-

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު

(ގާނޫނު ނަންބަރު 2021-07)

(މި ގާނޫނަށް އަމަލުކުރަން ފެށީ 16 މޭ 2021 ގައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ފެންވަރު ރަނގަޅު މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް އެކަށައެޅުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކުން ދޭ ހިދުމަތްތައް ކުރިއެރުވުމާއި، އެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، މަތީ ތައުލީމާއި ތަމްރީނު ތަރައްގީކޮށް ކުރިއެރުވުމާގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ހަމަހަމަކަމާއެކު އެންމެހައި ރައްޔިތުންނަށް ފުރުސަތު ހުޅުވާލެވިފައިވާ، މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމުކުރުން؛

(ށ) ދިވެހިރާއްޖޭގައި ފޯރުކޮށްދެވޭ މަތީ ތައުލީމާއި ތަމްރީނުގެ ހިދުމަތްތަކަކީ ފެންވަރު ރަނގަޅު ހިދުމަތްތަކަކަށް ހެދުމާއި، އެ ހިދުމަތްތަކަކީ ކަނޑައެޅޭ ވަކި މިންގަނޑެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތްތަކަކަށް ހެދުން؛

(ނ) ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި ހިންގުމާގުޅޭ އުސޫލުތައް ބަޔާންކުރުން؛

(ރ) ދިވެހިރާއްޖޭގައި މަތީ ތައުލީމުގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަކީ މުސްތަގިއްލުކަމާއެކު އެ ތަނެއްގެ ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަމާއި ބާރު ލިބިފައިވާ، ޖަވާބުދާރީ ކުރެވޭ ފަރާތްތަކަކަށް ހެދުން؛

(ބ) ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ހިދުމަތް ދިނުމުގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ލާޒިމުކުރާ މިންގަނޑުތަކަށް އެފަރާތްތަކުން އަމަލުކުރަމުންދާކަން ކަށަވަރުކުރުން؛

(ޅ) މަތީ ތައުލީމާއި ތަމްރީނުދޭ ފަރާތްތަކާއި، އެފަރާތްތަކުގެ މުވައްޒަފުންނާއި، ދަރިވަރުންގެ ހައްގުތަކާއި، އެފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުން؛

(ކ) ދިވެހިރާއްޖޭގައި ފޯރުކޮށްދޭ މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކޮށް، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތްތައް ކުރުމަށް ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ވަކި އިދާރާއެއް އުފެއްދުން؛

(އ) ދިވެހިރާއްޖޭގައި މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ގައުމީ ނިޒާމް އެކުލަވާލުމާއި، ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ކަންކަން ބަލަހައްޓައި އެކަންކަން ތަންފީޒުކުރުމަށް ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ސަރުކާރުގެ ވަކި އިދާރާއެއް އުފެއްދުން؛

(ވ) މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމާގުޅޭ އެހެނިހެން އުސޫލުތައް ބަޔާންކުރުން.

 

3 ވަނަ މާއްދާ - މަތީ ތައުލީމާގުޅޭ ސިޔާސަތުތައް ކަނޑައެޅުން

(ހ) ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ސިޔާސަތުތައް އެކަށައަޅާނީ މިނިސްޓަރެވެ.

(ށ) މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ މަސްއޫލިއްޔަތުތައް އެ އިދާރާތަކުން އަދާކުރަންވާނީ، މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

4 ވަނަ މާއްދާ - މިނިސްޓްރީގެ މަސްއޫލިއްޔަތުތައް

މިނިސްޓްރީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ސިޔާސަތުތައް އެކަށައަޅައި، މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމުކުރުން؛

(ށ) މަތީ ތައުލީމާއި ތަމްރީނުގެ ނިޒާމުގެ ފެންވަރު ހިފެހެއްޓުމުގެ އުސޫލުތައް ހަދައި ހިންގުން؛

(ނ) ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ނިޒާމަކީ، ފުޅާ ދާއިރާއެއްގައި ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް ފަހިވެފައިވާ ނިޒާމެއްކަން ކަށަވަރުކުރުން؛

(ރ) ވަޒީފާތަކަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރުތައް ކަނޑައަޅައި، އެފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސިޔާސަތުތައް އެކަށައެޅުން؛

(ބ) ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ދާއިރާ ތަރައްގީކޮށް، ކާމިޔާބުކަމާއެކު ތައުލީމު ނިންމާ ދަރިވަރުން އިތުރުކުރުމަށް، ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ގުޅިގެން މަސައްކަތްކުރުން؛

(ޅ) ދިވެހިރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާތައް ކަނޑައަޅައި، އެ ދާއިރާތަކުން ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރުން؛

(ކ) މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ދަރިވަރުންނަށް މާލީއެހީ ފޯރުކޮށްދިނުމުގެ ސިޔާސަތު އެކަށައަޅައި، އެކަމުގެ އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުން؛

(އ) މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި، އެފަދަ ތަންތަނުގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓުމާއި، ކަމާބެހޭ ތަފާސްހިސާބު ބެލެހެއްޓުން؛

(ވ) ގާނޫނަކުން ބާރު ލިބިގެން އުފައްދާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ބެލެހެއްޓުމަށްޓަކައި، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެ މަރުކަޒުތަކުން އަމަލުކުރޭތޯ ބަލައި، އެކަން ކަށަވަރުކުރުން؛

(މ) މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް ދަރިވަރުން ހާޒިރުވާގޮތަށް ކިޔަވައިދޭ ޕްރޮގްރާމްތަކާއި، ދަރިވަރުން ހާޒިރުވާންނުޖެހޭ ގޮތަށް ހިންގާ ޕްރޮގްރާމްތައް އަދި އެ ދެބައި ހިމެނިގެން ހިންގާ ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ހިންގުމާބެހޭ ސިޔާސަތުތައް ކަނޑައެޅުން؛

(ފ) މަތީ ތައުލީމާއި ތަމްރީނު ދިނުމާބެހޭ ކަންތައްތަކުގައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މަށްވަރާއާއި ލަފާދިނުން؛

(ދ) ދިވެހިރާއްޖެއިން ބޭރުގެ ގައުމުތަކުގައި މަތީ ތައުލީމު ހާސިލުކުރާ ދިވެހި ދަރިވަރުންގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓުން؛

(ތ) މި ގާނޫނު ތަންފީޒުކުރުމާއި ހިންގުމާ ގުޅޭގޮތުން މިނިސްޓްރީން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް އެކުލަވާލައި، ތަންފީޒުކުރުން؛

(ލ) މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ގާނޫނީގޮތުން އަދާކުރަންޖެހޭ އެހެނިހެން ޒިންމާތައް އަދާކުރުން.

 

ދެވަނަ ބާބު

މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ

5 ވަނަ މާއްދާ - މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކޮށް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކޮށް މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް ކުރުމަށްޓަކައި "މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ" ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެދުނީއެވެ.

(ށ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ.

(ނ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި، ފައިސާއާއި، ވަސީލަތްތަކާއި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި އެ އޮތޯރިޓީއަށް ކަނޑައަޅާފައިވާ ބަޖެޓާއި، ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮތޯރިޓީއަށް ލިބިދޭ ހައްގުތަކާއި މަންފާތަކާއި، ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮތޯރިޓީން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް، މި މާއްދާގެ (ހ) ގެ ދަށުން އުފެދޭ އިދާރާއަށް ބަދަލުވީއެވެ.

(ރ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެންމެހައި މުވައްޒަފުން، މި މާއްދާގެ (ހ) ގެ ދަށުން އުފެދޭ އިދާރާއަށް އެހިނދުން ފެށިގެން ބަދަލުވީއެވެ.

 

6 ވަނަ މާއްދާ - މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ މަގްސަދު

މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ މަގްސަދަކީ، ދިވެހިރާއްޖޭގައި ފޯރުކޮށްދޭ މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ހިދުމަތްތަކުގެ ފެންވަރު ވަޒަންކޮށް، ގައުމީ އަދި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ސަނަދުތަކުގެ ފެންވަރު ހިފެހެއްޓުމުގެ މަސައްކަތްކުރުމެވެ.

 

7 ވަނަ މާއްދާ - މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ މަސްއޫލިއްޔަތު

މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

(ހ) ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ފެންވަރު ކަށަވަރުކުރުމުގެ އުސޫލުތައް ހަދައި ހިންގުން؛

(ށ) ގައުމީ ސަނަދުތަކުގެ އޮނިގަނޑު އެކުލަވާލުމާއި، މުރާޖާކޮށް އިސްލާހުކުރުމާއި، އެ އޮނިގަނޑު ތަންފީޒުކުރުން؛

(ނ) ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށްފައިވަނީ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ކަނޑައަޅާފައިވާ ފެންވަރާއި އުސޫލާ އެއްގޮތަށްކަން ކަށަވަރުކުރުން؛

(ރ) ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ހުއްދަދިނުމާއި، އެކްރެޑިޓްކުރުމާއި، އޮޑިޓްކުރުމުގެ އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުން؛

(ބ) ސަނަދުތަކުގެ ފެންވަރު ކަނޑައެޅުމާގުޅޭ އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުން؛

(ޅ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ ސަނަދުތަކާއި،  އެ ސަނަދުތައް ހާސިލުކުރާ ފަރާތްތަކުގެ ދަފްތަރެއް ބެލެހެއްޓުން؛

(ކ) ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ބަލައިގަންނަ ޕްރޮގްރާމްތައް އާންމުކުރުން؛

(އ) މަތީ ތައުލީމުދޭ މަރުކަޒުތަކާއި، އެ މަރުކަޒުތަކުގައި ހިންގާ ޕްރޮގްރާމްތަކުގައި ކިޔަވައިދޭ ފަރާތްތަކުގެ ފެންވަރު ބެލުން؛

(ވ) ތަފާސްހިސާބާއި ރިސާރޗްގެ ބޭނުމަށް މަތީ ތައުލީމުދޭ މަރުކަޒުތަކުން މައުލޫމާތު ހޯދުން؛

(މ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުން؛

(ފ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ދޭ ހިދުމަތްތަކަށް ފީއެއް ނަގާނަމަ އެ ފީއެއް ނަގާނެ އުސޫލު ކަނޑައަޅައި، އާންމުކުރުން؛

(ދ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއަށް ށަކުވާ ހުށަހެޅުމާއި ށަކުވާ ބަލައިގަތުމުގެ ނިޒާމެއް ގާއިމުކުރުން؛

(ތ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ މަސައްކަތްތަކާގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓްރީގެ ލަފާ ހޯދުން.

 

8 ވަނަ މާއްދާ - މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ބާރުތައް

މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި އެ އޮތޯރިޓީއަށް އަންނަނިވި ބާރުތައް ލިބިގެންވެއެވެ.

(ހ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ މަސައްކަތްތަކަށް ބޭނުންވާ ވަގުތީ ކޮމިޓީތައް އެކުލަވާލައި، އެ ކޮމިޓީތަކުގެ މަސައްކަތުގެ ދާއިރާ ކަނޑައަޅައި، އެ ކޮމިޓީތަކުގެ ހިންގާ ގަވާއިދު އެކުލަވާލުން؛

(ށ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ދިރާސާތައް ކުރުން؛

(ނ) މަތީ ތައުލީމުދޭ މަރުކަޒުތަކާއި، އެ މަރުކަޒުތަކުގައި ހިންގާ ޕްރޮގްރާމްތައް އޮޑިޓްކުރުން؛

(ރ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ދޭ ހިދުމަތްތަކުގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ ހިދުމަތްތަކަށް ފީ ނެގުން.

 

9 ވަނަ މާއްދާ - މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު

(ހ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ މަގްސަދު ހާސިލުކުރުމަށާއި މި ގާނޫނުގައި ބަޔާންކުރާ އެ އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބޭނުންވާ ލަފާދިނުމަށް، މި ގާނޫނުގައިވާ ގޮތުގެމަތިން އައްޔަންކުރެވޭ އެޑްވައިޒަރީ ބޯޑެއް އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެޑްވައިޒަރީ ބޯޑު އެކުލެވިގެންވަނީ، އަންނަނިވި 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ.

  1. މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ؛
  2. މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ 1 (އެކެއް) މެންބަރު؛
  3. މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގެ މާހިރުންގެ ތެރެއިން އައްޔަންކުރާ 2 (ދޭއް) މެންބަރުން؛
  4. ދިވެހިރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކުގެ ވައިސް ޗާންސެލަރުންގެ ތެރެއިން އައްޔަންކުރާ 1 (އެކެއް) މެންބަރު؛
  5. ޓެކްނިކަލް އެންޑް ވޮކޭށަނަލް ދާއިރާއިން އައްޔަންކުރާ 1 (އެކެއް) މެންބަރު؛
  6. ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމު ފޯރުކޮށްދޭ އަމިއްލަ ކޮލެޖްތަކުގެ ހިންގުމުގެ ދާއިރާއިން އައްޔަންކުރާ 1 (އެކެއް) މެންބަރު.

(ނ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑަށް މެންބަރުން އައްޔަންކޮށް ވަކިކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.

(ރ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެޑްވައިޒަރީ ބޯޑު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން އެޑްވައިޒަރީ ބޯޑުގެ މެންބަރުންގެ ގޮތުގައި އައްޔަންކުރާ ކޮންމެ މެންބަރަކު އައްޔަންކުރެވޭނީ 5 (ފަހެއް) އަހަރުދުވަހުގެ 1 (އެކެއް) ދައުރަށެވެ.

(ޅ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ މެންބަރުން ހާޒިރުވާ ޖަލްސާތަކަށް ދެވޭ އެލަވަންސް ކަނޑައަޅާނީ މިނިސްޓަރުގެ ލަފާގެމަތިން ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރެވެ.

(ކ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު ހިންގުމާއި، އެ ބޯޑުގެ ޖަލްސާތައް ބޭއްވުމާއި، އެ ބޯޑުގެ ނިންމުންތަކާގުޅޭ އުސޫލުތައް މި ގާނޫނުގެ ދަށުން މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(އ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ އެ އޮތޯރިޓީންނެވެ.

 

10 ވަނަ މާއްދާ - މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ މެންބަރުންގެ ށަރުތުތައް

މި ގާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިން އައްޔަންކުރާ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފިޔަވައި، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) މުސްލިމަކު ކަމުގައިވުން؛

(ށ) ދިވެހިރައްޔިތަކު ކަމުގައިވުން؛

(ނ) އުމުރުން 30 (ތިރީސް) އަހަރު ފުރިފައިވުން؛

(ރ) މި ގާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި (6) ވަނަ ނަންބަރުގެ ދަށުން އައްޔަންކުރެވޭ ފަރާތްތައް، އެފަރާތެއް އައްޔަންކުރެވޭ ދާއިރާއިން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛

(ބ) މަތީ ތައުލީމުދޭ މަރުކަޒެއްގެ ހިއްސާދާރެއްކަމުގައި ނުވުން.

 

11 ވަނަ މާއްދާ - އެޑްވައިޒަރީ ބޯޑުގެ މެންބަރުން މަގާމުން ވަކިކުރުމާއި އިސްތިއުފާ ދިނުން

(ހ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ މެންބަރެއްގެ ކިބައިގައި ހުރުން މި ގާނޫނުން ލާޒިމުކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވެއްޖެނަމަ، އޭނާ ބޯޑުގެ މެންބަރުކަމުން ވަކިކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ބޯޑުގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވުމުގެ ކުރިން، އެފަރާތެއްގެ މަސްއޫލިއްޔަތު އަދާނުކުރެވޭކަމަށް ފެނިއްޖެ ހިނދެއްގައި، ނުވަތަ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެކަމަށް ފެނިއްޖެ ހިނދެއްގައި އެފަރާތެއް މަގާމުން ވަކިކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

(ނ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ މެންބަރަކު އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން ހުށަހަޅައި، އެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އެ މެންބަރަކު އެ މަގާމުން ވަކިވީއެވެ.

 

12 ވަނަ މާއްދާ - މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ރިޔާސަތު

(ހ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

(ށ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ރިޔާސަތު ބަލަހައްޓާ ފަރާތުގެ ޒިންމާތަކަކީ، އެ ބޯޑުގެ މަސައްކަތްތައް ރާވައި ހިންގުމާއި އެ ބޯޑުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމެވެ.

(ނ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ރިޔާސަތު ބަލަހައްޓާ ފަރާތުގެ ހައިސިއްޔަތުން އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ކުރަންޖެހޭ ކަމެއް ކުރުމަށް އޭނާ އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެކަން ކުރުމަށް ބޯޑުގެ މެންބަރުންގެ ތެރެއިން މީހަކާ ޗީފް އެގްޒެކެޓިވް އޮފިސަރ ހަވާލުކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ

(ހ) މި ގާނޫނާ އެއްގޮތަށް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ މަސައްކަތްތައް ދުވަހުން ދުވަހަށް ރާވައި ހިންގުމުގެ ވެރިޔަކީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

(ށ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް މީހަކު އައްޔަންކޮށް ވަކިކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެ މަގާމަކީ ސްޓޭޓް މިނިސްޓަރުގެ މަގާމާ އެއް ފެންވަރުގެ މަގާމެކެވެ.

(ނ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. މުސްލިމަކު ކަމުގައިވުން؛
  2. ދިވެހިރައްޔިތަކު ކަމުގައިވުން؛
  3. މާސްޓަރޒް ޑިގްރީ ހާސިލުކޮށްފައިވުން؛
  4. މަސައްކަތުގެ ދާއިރާއިން މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

(ރ) ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން ފިޔަވައި، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ ތަމްސީލުކުރަންޖެހޭ ކަންކަމުގައި އެ އޮތޯރިޓީ ތަމްސީލުކުރާނީ، އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

(ބ) ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަސައްކަތާގުޅޭ ކަންކަމުގައި އޭނާ ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.

(ޅ) މި މާއްދާގެ ދަށުން ޗީފް އެގްޒެކެޓިވް އޮފިސަރުގެ ގޮތުގައި އައްޔަންކުރާ ފަރާތް އައްޔަންކުރެވޭނީ 5 (ފަހެއް) އަހަރުދުވަހުގެ 1 (އެކެއް) ދައުރަށެވެ.

 

14 ވަނަ މާއްދާ - ޗީފް އެގްޒެކެޓިވް އޮފިސަރ މަގާމުން ވަކިކުރުމާއި އިސްތިއުފާ ދިނުން

(ހ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ކިބައިގައި ހުރުން މި ގާނޫނުން ލާޒިމުކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވެއްޖެނަމަ، އޭނާ މަގާމުން ވަކިކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގެ މުއްދަތު ހަމަވުމުގެ ކުރިން، އޭނާގެ މަސްއޫލިއްޔަތު އަދާނުކުރެވޭކަމަށް ފެނިއްޖެ ހިނދެއްގައި، ނުވަތަ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެކަމަށް ފެނިއްޖެ ހިނދެއްގައި އޭނާ މަގާމުން ވަކިކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

(ނ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން ހުށަހަޅައި، އެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އޭނާ މަގާމުން ވަކިވީއެވެ.

 

15 ވަނަ މާއްދާ - މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ މާލިއްޔަތު

(ހ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައި،   އެ އޮތޯރިޓީއަށް ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ ހިންގުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުގައި ހިމެނުމަށްޓަކައި، ގާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރަށް މިނިސްޓްރީން ފޮނުވަންވާނެއެވެ.

 

16 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު

(ހ) ރަސްމީ މަތީ ތައުލީމާއި ތަމްރީނުގެ ނިޒާމުގެ ހަރުފަތްތަކާއި، އެ ހަރުފަތްތަކުގެ ފެންވަރާއި، އެއިން ކޮންމެ ހަރުފަތަކަށް ދެވޭނެ ގޮތްތަކާއި، އެއިން ކޮންމެ ހަރުފަތެއްގައި ހާސިލުވާންޖެހޭ މިންވަރާއި، އެއިން ކޮންމެ ހަރުފަތެއް ފުރިހަމަކުރުމުން ލިބޭނެ ސަނަދުގެ ތަފްސީލުތައް އެނގޭނެ އޮނިގަނޑެއް "ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު" ނުވަތަ "މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވަރކް" ގެ ނަމުގައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޮނިގަނޑު ތައްޔާރުކުރުމާއި، މުރާޖާކޮށް އިސްލާހުކުރުމަކީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޒިންމާއެކެވެ.

(ނ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް އަމަލުކުރަންވާނީ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުން ފާސްކުރުމަށްފަހުއެވެ.

(ރ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ މަގްސަދުތައް ތިރީގައި އެވަނީއެވެ.

  1. ސަނަދުތަކުގެ ފެންވަރު ދެމެހެއްޓުމާއި، މަތީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމާބެހޭ ސިޔާސަތުތަކަށް ބާރުދިނުން؛
  2. އެއް ސަނަދުން އަނެއް ސަނަދާ ގުޅިފައިވާ ގޮތް އަންގައިދިނުމާއި، އެއް ސަނަދުން އަނެއް ސަނަދަށް ކުރިއަށް ދެވޭނެ ގޮތް ކަނޑައެޅުން؛
  3. ތައުލީމީ ސަނަދުތަކާއި، ޕްރޮފެށަނަލް ސަނަދުތަކާއި، ޓެކްނިކަލް އަދި މަސައްކަތާއި ހުނަރުގެ ސަނަދުތައް ގިންތިކޮށް ބަލައިގަތުން.

(ބ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގަންވާނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށެވެ. އަދި އެފަދަ ޕްރޮގްރާމްތައް ހިންގަނީ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށްކަން ކަށަވަރުކުރުމަށްޓަކައި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއަށް އަންނަނިވި ކަންކަން ކުރުމުގެ ބާރު ލިބިގެންވެއެވެ.

  1. ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމާއި ތަމްރީނުގެ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ ކޮންމެ ޕްރޮގްރާމެއް ހިންގަނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް އެ ޕްރޮގްރާމެއް ފަރުމާކުރެވިގެންކަން ކަށަވަރުކުރުމާއެކު، އެ ޕްރޮގްރާމް ހިންގަން މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ހުއްދަ ދިނުން؛
  2. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ މަތީ ތައުލީމާއި ތަމްރީނުގެ ކޮންމެ ޕްރޮގްރާމެއް ހިންގަނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށްތޯ ބަލަން ބޭނުންވެއްޖެނަމަ، ކަމާބެހޭ ލިޔެކިއުންތަކާއި، ހިނގަމުންދާ ކްލާސްތަކާއި، އެހެނިހެން ވަސީލަތްތައް ކުރިން އެންގުމަކާ ނުލައި، ބަލައި މޮނިޓަރކުރުން.

(ޅ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ބޭރުން މަތީ ތައުލީމުގެ ޕްރޮގްރާމެއް ނުވަތަ ތަމްރީނެއް ހިންގުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ކ) ވަކި ހާއްސަ ހުއްދައެއް ލިބިގެން އަދާކުރެވޭ ވަޒީފާއަކަށް ފުރިހަމަކުރާ މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތަކުގެ ފެންވަރު ކަށަވަރުކޮށް ވަޒަންކުރާނީ އެ ހުއްދަ ދޫކުރާ އިދާރާއަކުންނެވެ. އެގޮތުން ހުއްދަ ދޫކޮށްގެން ހިންގާ މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތަކަކީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ ޕްރޮގްރާމެއްނަމަ، އެ ޕްރޮގްރާމެއް ވާންވާނީ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ހުއްދަ ދީގެން އެ އޮތޯރިޓީގެ ގަވާއިދުތަކާ އެއްގޮތަށް ހިންގާ ޕްރޮގްރާމަކަށެވެ.

(އ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައިވާ ޕްރޮގްރާމެއް ފަރުމާކުރެވިފައިވަނީ ނުވަތަ ހިންގަނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް ނޫންކަން މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއަށް ސާބިތުވެއްޖެނަމަ، އެކަމާ ގުޅިގެން އަޅާނެ ފިޔަވަޅުތައް މި ގާނޫނުގެ ދަށުން މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - އެކްރެޑިޓޭށަން

މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން އެކްރެޑިޓް ކުރަންވާނެއެވެ. އަދި އެކަމާގުޅޭ ގަވާއިދު އެކުލަވާލައި، އެ އޮތޯރިޓީން އާންމުކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - އިންސްޓިޓިއުށަނަލް އޮޑިޓް

މަތީ ތައުލީމުދޭ މަރުކަޒުތައް ހިންގަމުން އަންނަނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށްކަން ކަށަވަރުކުރުމަށްޓަކައި، އެ މަރުކަޒުތަކުގެ އިންސްޓިޓިއުށަނަލް އޮޑިޓެއް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން މަދުވެގެން 3 (ތިނެއް) އަހަރުން އެއްފަހަރު ހަދައި، އާންމުކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - ތައުލީމީ ސަނަދުތައް ގަބޫލުކުރުން

މަތީ ތައުލީމާއި ތަމްރީނުގެ ސަނަދުތައް ގަބޫލުކުރުމުގެ އުސޫލުތައް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފަޔާއެކު އެ އޮތޯރިޓީން އެކުލަވާލައި، އާންމުކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ސަނަދުތަކުގެ ދަފްތަރު

(ހ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން އެކްރެޑިޓްކޮށް، ހުއްދަ ދޫކޮށްފައިވާ ދިވެހިރާއްޖޭގެ މަތީ ތައުލީމު ޕްރޮގްރާމްތައް އެނގޭނެހެން ދިވެހިރާއްޖޭގެ ސަނަދުތަކުގެ ދަފްތަރެއް، އެ އޮތޯރިޓީން އެކުލަވާލައި، އާންމުކޮށް، ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ށ) ދިވެހިރާއްޖޭގައި އެކްރެޑިޓްކޮށްފައިވާ ހުރިހާ ޕްރޮގްރާމްތަކާއި ސަނަދުތަކާއި މަތީ ތައުލީމުދޭ މަރުކަޒުތަކާއި މުއައްސަސާތަކާބެހޭ ގައުމީ މަސްދަރަކަށްވާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފްތަރެވެ.

 

ތިންވަނަ ބާބު

މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ހިންގުން

21 ވަނަ މާއްދާ - މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ހިންގުން

(ހ) ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ހިންގަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓްރީގައި ރަޖިސްޓަރީކުރުމަށް ފަހުގައެވެ.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ތެރޭގައި ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކާއި، އެފަދަ ތަންތަނުގެ ކެމްޕަސްތަކާއި އައުޓްރީޗް ސެންޓަރުތަކާއި، މަސައްކަތުގެ ތަމްރީނުދޭ މަރުކަޒުތައް ހިމެނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކާއި، އެފަދަ ތަންތަނުގެ ކެމްޕަސްތަކާއި އައުޓްރީޗް ސެންޓަރުތަކާއި، މަސައްކަތުގެ ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށްދިނުމުގައި، އެ ތަންތަނަކީ ކިޔަވާ ދަރިވަރުންނަށް އެކަށީގެންވާ ފެންވަރަކަށް ކިޔަވައިދެވޭނެ މާއްދީ އަދި އިންސާނީ ވަސީލަތްތައް ހުރި ތަންތަންކަން މިނިސްޓްރީން ކަށަވަރުކުރަންވާނެއެވެ.

(ރ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، މިނިސްޓްރީގައި ރަޖިސްޓަރީނުކޮށް ހުރި ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކާއި، އެފަދަ ތަންތަނުގެ ކެމްޕަސްތަކާއި އައުޓްރީޗް ސެންޓަރުތަކާއި، މަސައްކަތުގެ ތަމްރީނުދޭ މަރުކަޒުތައް މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގަވާއިދު އެކުލަވާލާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމަށްފަހު، ރަޖިސްޓަރީނުކޮށް މި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ތަނެއް ހިންގުމަކީ މަނާކަމެކެވެ. އަދި އެފަދަ މަރުކަޒުތަކުން ކިޔަވައިދޭ ޕްރޮގްރާމްތައް ގަބޫލުކުރުން މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ހުއްޓާލަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާގޮތަށް އެފަދަ މަރުކަޒުތަކުން ކިޔަވައިދޭ ޕްރޮގްރާމްތައް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރުން ހުއްޓާލުމާގުޅޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު  އެ އޮތޯރިޓީން އެކުލަވާލައި އާންމުކުރަންވާނެއެވެ.

(ކ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދެއް މިނިސްޓްރީން އެކުލަވާލައި އާންމުކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ގިންތިތައް

(ހ) މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ގިންތިތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ޔުނިވަރސިޓީ؛
  2. ކޮލެޖް؛
  3. އިންސްޓިޓިއުޓް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ގިންތިކުރާނެގޮތުގެ އުސޫލު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގައިވާ ގޮތުގެމަތިން ގިންތިކުރެވޭ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން، އެ މަރުކަޒުތަކަށް ދަރިވަރުން ހާޒިރުވާގޮތަށް ކިޔަވައިދޭ ޕްރޮގްރާމްތަކާއި، ދަރިވަރުން ހާޒިރުވާން ނުޖެހޭގޮތަށް ހިންގާ ޕްރޮގްރާމްތައް އަދި އެ ދެބައި ހިމަނައިގެން ހިންގާ ޕްރޮގްރާމްތައް ހިންގުމާގުޅޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ދަރަޖަ ދަށްކުރުން

(ހ) މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކުން އެ މަރުކަޒެއްގެ ދަރަޖަ ދަށްކޮށްދިނުމަށް އެދި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކުން އެ މަރުކަޒެއްގެ ދަރަޖަ ދަށްކޮށްދިނުމަށް އެދިއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ތަނެއްގެ ދަރަޖަ ދަށްކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ ބޭނުމަށް "މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއްގެ ދަރަޖަ ދަށްކުރުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން އެ މަރުކަޒެއް ފުރަތަމަ ރަޖިސްޓަރީކޮށްފައިވާ ގިންތިއަށްވުރެ ދަށް ގިންތިއަކަށް ބަދަލުކުރުމަށެވެ.

 

24 ވަނަ މާއްދާ - މަތީ ތައުލީމާއި ތަމްރީނުދޭ ޕްރޮގްރާމްތައް ހިންގުން

މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ ޕްރޮގްރާމްތައް ހިންގަންވާނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

25 ވަނަ މާއްދާ - ދިވެހިރާއްޖެއިން ބޭރުގެ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ދިވެހިރާއްޖޭގައި ހިންގުން

(ހ) ދިވެހިރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، އިންސްޓިޓިއުޓްތައް ނުވަތަ އެ ތަންތަނުގެ ކެމްޕަސްތައް ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދު މިނިސްޓްރީން ހަދައި، އާންމުކުރަންވާނެއެވެ.

 

26 ވަނަ މާއްދާ - މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު ކަށަވަރުކުރުމާގުޅޭ ކަންކަން

ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކުން ދޭ ތައުލީމާއި ތަމްރީނުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި އަންނަނިވި ކަންކަން އެ މަރުކަޒުތަކުން ކުރަންވާނެއެވެ.

(ހ) މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުގައި މާލީ ގާބިލުކަން ހުރިކަން ކަށަވަރުކުރުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކޮންމެ މާލީ އަހަރެއް ނިމޭތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މަރުކަޒެއް އޮޑިޓްކޮށްފައިވާ އޮޑިޓް ރިޕޯޓު މިނިސްޓްރީއަށް ހުށަހެޅުން؛

(ށ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް އަމަލުކުރަމުން ގެންދާކަން ކަށަވަރުކުރުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓްރީން ކަނޑައަޅާ މައުލޫމާތު، އެކަމަކަށް ކަނޑައަޅައި އަންގާ މުއްދަތުގައި ފޯރުކޮށްދިނުން.

 

27 ވަނަ މާއްދާ - މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރަންވީ އުސޫލު

މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކުން އަންނަނިވި އުސޫލުތަކަށް ތަބާވާންވާނެއެވެ.

(ހ) މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކުން، އެ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންގެ މެދުގައި އެ ދަރިވަރުން ޕްރޮގްރާމްތަކަށް ވެއްދުމުގައާއި، ކިޔަވައިދިނުމުގައި އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަ އުސޫލަކުން ކަންކަން ކުރުން؛

(ށ) މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކުން، އެ މަރުކަޒެއްގައި ކިޔަވާ ދަރިވަރުންނަށް އެއްވެސް މާލީ މަންފާއެއް ލިބިދޭ ގޮތަށް  އެ ތަނެއްގައި ހަމަޖެހިފައިވާނަމަ، އެ މަންފާއެއް ލިބުމަށް އެދި ހުށަހަޅާނެ ގޮތާއި، އެކަމާ ގުޅޭ ށަރުތުތަކާއި، އުސޫލުތައް އެ މަރުކަޒަކުން އެކުލަވާލައި، ދަރިވަރުންނަށް ފެންނާނެހެން އާންމުކުރުން؛

(ނ) މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކުން، އެ މަރުކަޒެއްގައި ކިޔަވާ ދަރިވަރުންގެ އަތުން، ކިޔަވާ ޕްރޮގްރާމެއްގެ ފީގެގޮތުގައި ނެގުމަށް ހަމަޖެހިފައިވާ މިންވަރާއި، އެ ދަރިވަރުންނަށް ފޯރުކޮށްދޭ އިދާރީ ހިދުމަތްތަކަށް ނެގުމަށް ހަމަޖެހިފައިވާ ފީތަކާއި، އެ ފީތައް ދެއްކުމުގެ އުސޫލުތައް އެ މަރުކަޒަކުން އެކުލަވާލައި، ދަރިވަރުންނަށް ފެންނާނެހެން އާންމުކުރުން؛

(ރ) މަތީ ތައުލީމުދޭ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންގެ މަސައްކަތްތަކުގެ ތެރެއިން އެ ދަރިވަރުން އެސެސްކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް އެ ދަރިވަރުން އަމިއްލައަށް ފުރިހަމަކުރުން ލާޒިމުކޮށް، އެހެން ފަރާތަކާ ހަވާލުކޮށްގެން އެ މަސައްކަތްތައްކުރުން މަނާކޮށް، އެކަމާގުޅޭ އުސޫލުތައް އެކުލަވާލައި، ދަރިވަރުންނަށް ފެންނާނެހެން އާންމުކުރުން.

 

28 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގެ ނިޒާމް

ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކުގައި، އަންނަނިވި ކަންކަން ހިމެނޭގޮތުން ށަކުވާ ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސައި، އެކަމާގުޅޭ އުސޫލުތައް އެކުލަވާލައި، ދަރިވަރުންނަށް ފެންނާނެހެން އާންމުކުރަންވާނެއެވެ.

(ހ) ދަރިވަރުންނަށް އެޑްމިށަން ދިނުމާއި، އެންރޯލްކުރުމާގުޅޭ ކަންކަން؛

(ށ) ދަރިވަރުންނަށް ކިޔަވައިދިނުމާއި، ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތަކާގުޅޭ ކަންކަން؛

(ނ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އެހެނިހެން ކަންކަން.

 

ހަތަރުވަނަ ބާބު

ޔުނިވަރސިޓީތައް ހިންގުން

 
29 ވަނަ މާއްދާ - މިހާރު ހުރި ޔުނިވަރސިޓީތައް

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ގާނޫނު ނަންބަރު 3/2011 (ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ގާނޫނު) ގެ ދަށުން އުފެދި ހިނގަމުން އަންނަ "ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ" އާއި ގާނޫނު ނަންބަރު 2015/11 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު) ގެ ދަށުން ހިނގަމުން އަންނަ "ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ" ގެ މައްޗަށް ހިނގާނީ، އެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެ ޔުނިވަރސިޓީތައް ހިންގުމާ ގުޅޭގޮތުން އެ ގާނޫނުތަކުގައި ނެތް ކަމެއް މި ގާނޫނުން ލާޒިމުކުރާނަމަ، އެ ޔުނިވަރސިޓީތަކުން މި ގާނޫނުގައިވާ އުސޫލާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

 

30 ވަނަ މާއްދާ - ޔުނިވަރސިޓީތަކުގެ އޮނިގަނޑު

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ޔުނިވަރސިޓީތަކުގެ އޮނިގަނޑު އެކުލަވާލަންވާނީ އަންނަނިވި ކަންކަން ހިމެނޭގޮތުންނެވެ.

(ހ) ޔުނިވަރސިޓީ އުފައްދާ މަގްސަދާއި ގާނޫނީ ހައިސިއްޔަތު؛

(ށ) ޔުނިވަރސިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް؛

(ނ) ޔުނިވަރސިޓީ އެކުލެވިގެންވާ ގޮތް؛

(ރ) އިދާރީ އަދި ތައުލީމީ ގުނަވަންތަކުގެ މެންބަރުންނާއި އެނޫންވެސް މަގާމުތައް ކަނޑައަޅައި، މީހުން އައްޔަންކުރާނެގޮތް؛

(ބ) އިދާރީ އަދި ތައުލީމީ އެކި ގުނަވަންތަކުގެ ޖަލްސާތައް ބޭއްވުމާގުޅޭ ގަވާއިދުތަކާއި އުސޫލުތައް؛

(ޅ) ޔުނިވަރސިޓީގެ މާލީ ކަންކަން؛

(ކ) ޔުނިވަރސިޓީ ހިންގުމާ ގުޅޭގޮތުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ބަޔާންކުރާ އުސޫލު.

 

31 ވަނަ މާއްދާ - ޔުނިވަރސިޓީތައް ގާއިމުކުރުން

(ހ) ދިވެހިރާއްޖޭގައި ޔުނިވަރސިޓީއެއް ހިންގޭނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން   އެ ޔުނިވަރސިޓީއެއް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެންނެވެ.

(ށ) ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ރަޖިސްޓަރީކުރުމާއި، ޔުނިވަރސިޓީގެ ހައިސިއްޔަތު ދިނުމާއި، ޔުނިވަރސިޓީ ހިންގުމާބެހޭ ކަންކަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

32 ވަނަ މާއްދާ - ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވުމުގެ ށަރުތުތައް

ދިވެހިރާއްޖޭގައި ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކުރެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ތައުލީމުދޭ މަރުކަޒުތަކެވެ.

(ހ) ކޮލެޖެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ މަދުވެގެން 20 (ވިހި) އަހަރު ވެފައިވާނަމަ، ނުވަތަ ދިވެހިރާއްޖެއިން ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ބޭރު ގައުމެއްގެ ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވެ ހިންގަމުން އަންނަތާ 10 (ދިހައެއް) އަހަރު ވެފައިވުން؛ އަދި

(ށ) މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވަރސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމުކުރެވިފައިވުން.

 

33 ވަނަ މާއްދާ - ޔުނިވަރސިޓީ އުފެއްދުން

(ހ) ދިވެހިރާއްޖޭގައި ޔުނިވަރސިޓީއެއް އުފައްދައި ހިންގުމަށް އެދޭ ފަރާތްތަކުންނާއި، މަތީ ތައުލީމާއި ތަމްރީނު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ކޮލެޖެއް ނުވަތަ އެ ފެންވަރުގެ މަރުކަޒެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އެދޭ ފަރާތްތަކުން، ޔުނިވަރސިޓީ އުފެއްދުމަށް ބޭނުންވާ ޗާޓަރ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) ޔުނިވަރސިޓީއެއް އުފެއްދުމަށް އެދި އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވޭތޯ ބަލައި، އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރުމަށްޓަކައި މިނިސްޓްރީން ފަންނީ ކޮމިޓީއެއް އެކުލަވާލަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން މިނިސްޓްރީން އެކުލަވާލާ ފަންނީ ކޮމިޓީ އެކުލަވާލާނެ ގޮތާއި، އެ ކޮމިޓީގެ މަސައްކަތްތަކާގުޅޭ އުސޫލުތައް
މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަންނީ ކޮމިޓީން ތައްޔާރުކުރާ އެސެސްމަންޓް ރިޕޯޓު، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޔުނިވަރސިޓީއެއް އުފެއްދުމަށް އެދި ހުށަހަޅާތާ ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލައި މިނިސްޓްރީއަށް ފޮނުވަންވާނެއެވެ. އަދި އެ ރިޕޯޓުގައި، ޔުނިވަރސިޓީ ހެދުމަށް ހުށަހަޅާފައިވާ ހުށަހެޅުމުގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ށަރުތުތައް ފުރިހަމަވާކަން ނުވަތަ ނުވާކަން ބަޔާންކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން އެކުލަވާލާ އެސެސްމަންޓް ރިޕޯޓު މިނިސްޓްރީން ދިރާސާކުރުމަށްފަހު، އެ ރިޕޯޓު ލިބޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތެއް ނިންމަންވާނެއެވެ.

  1. ޔުނިވަރސިޓީ އުފެއްދުމަށް ހުށަހަޅާފައިވާ ހުށަހެޅުމުގައި،
    މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އެންމެހައި ށަރުތުތައް ފުރިހަމަވާނަމަ، ޔުނިވަރސިޓީ ޗާޓަރ ދޫކުރުމަށް؛ ނުވަތަ
  2. ޔުނިވަރސިޓީ އުފެއްދުމަށް ހުށަހަޅާފައިވާ ހުށަހެޅުމުގައި،
    މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މައިގަނޑު ށަރުތުތައް ފުރިހަމަ ވީނަމަވެސް، އިސްލާހުކުރަންޖެހޭ ކަންކަން ހުރިނަމަ އެކަންކަން ބަޔާންކޮށް، އަލުން ހުށަހެޅުމުގެ ފުރުސަތު ދިނުމަށް؛ ނުވަތަ
  3. ޔުނިވަރސިޓީ އުފެއްދުމަށް ހުށަހަޅާފައިވާ ހުށަހެޅުމުގައި،
    މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މައިގަނޑު ށަރުތުތައް ފުރިހަމަނުވާނަމަ، ޔުނިވަރސިޓީ ޗާޓަރ ދޫނުކުރުމަށް.

(ޅ) މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައިވާ ނިންމުން މިނިސްޓްރީން ނިންމައިފިނަމަ، މި މާއްދާގެ (ބ) ގައިވާ މުއްދަތުގައި މިނިސްޓްރީން ޔުނިވަރސިޓީ ޗާޓަރ ދޫކުރަންވާނެއެވެ.

(ކ) ޔުނިވަރސިޓީއެއް އުފެއްދުމަށް ޗާޓަރ ދޫކުރުމާއެކު، ދިވެހިސަރުކާރުގެ ގެޒެޓުގައި މިނިސްޓްރީން އެ ޗާޓަރ ށާއިއުކުރަންވާނެއެވެ.

 

34 ވަނަ މާއްދާ - ޔުނިވަރސީޓީ ޗާޓަރަށް ބަދަލު ގެނައުން

(ހ) މަތީ ތައުލީމަށް މަންފާކޮށްފާނެ ކަމެއްކަމަށް މިނިސްޓްރީއަށް ފެނިއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޔުނިވަރސިޓީން އެދޭގޮތަށް އެ ޔުނިވަރސިޓީއަކަށް ދޫކޮށްފައިވާ ޗާޓަރަށް ބަދަލުގެނައުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޗާޓަރަށް ގެންނަ ބަދަލަކީ
އެ ޔުނިވަރސިޓީއެއްގެ މަސައްކަތްތައް ހިންގުން އިތުރަށް ހަރުދަނާކުރުމަށް ގެނެވޭ ބަދަލަކަށްވާންވާނެއެވެ.

(ނ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ ޔުނިވަރސިޓީއަކަށް ދޫކޮށްފައިވާ ޗާޓަރ މިނިސްޓްރީން ބާތިލުކޮށްގެން ނުވާނެއެވެ.

(ރ) ޔުނިވަރސިޓީއަކަށް ދޫކޮށްފައިވާ ޗާޓަރ ބާތިލުކުރެވިއްޖެނަމަ އެކަން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. އަދި
އެ ޔުނިވަރސިޓީގެ އެންމެހައި ހަރަކާތްތައް މި ގާނޫނުގެ ދަށުން ޔުނިވަރސިޓީ ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހުއްޓާލަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޗާޓަރ ބާތިލުކުރެވުނު ނަމަވެސް، އެ ޔުނިވަރސިޓީއަކުން އޭގެ ކުރިން ދޫކޮށްފައިވާ އެއްވެސް ސަނަދެއް ބާތިލެއްނުވާނެއެވެ.

 

35 ވަނަ މާއްދާ - ގާނޫނީ ހައިސިއްޔަތު

(ހ) މި ގާނޫނުގެ ދަށުން ޔުނިވަރސިޓީއެއް އުފެދުމާއެކު މި ގާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ކުރުމުގެ އިހްތިޔާރާއި ބާރު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ގާނޫނީ ށަހްސެއް އުފެދުނީއެވެ.

(ށ) މި ގާނޫނުގެ ދަށުން ޔުނިވަރސިޓީއެއް އުފެދުމާއެކު، މި ގާނޫނާއި
މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެންމެހައި ކަންކަން ކުރުން އެ ޔުނިވަރސިޓީއެއްގެ މައްޗަށް ލާޒިމުވާނެއެވެ.

(ނ) ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކޮށްފިނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، އެ ކޮލެޖެއްގެ އެންމެހައި ހައްގުތަކާއި އިލްތިޒާމްތައް އަލަށް އުފެދޭ ޔުނިވަރސިޓީއަށް ބަދަލުވެގެންދާނެއެވެ.

 

36 ވަނަ މާއްދާ - ޔުނިވަރސިޓީގެ މައިގަނޑު މަސްއޫލިއްޔަތުތައް

މި ގާނޫނުގެ ދަށުން އުފައްދާ ޔުނިވަރސިޓީއެއްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމަނަންވާނެއެވެ.

(ހ) އިލްމީގޮތުން އެންމެ މަތީ ފެންވަރަށް ވާސިލުވުމަށްޓަކައި، ހިންގަންޖެހޭ އެންމެހައި މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުން؛

(ށ) ޔުނިވަރސިޓީގައި ހިންގާ ޕްރޮގްރާމްތަކާއި ލިބިދޭ ތަމްރީނާއި ތައުލީމާ ގުޅިގެން ދޭންޖެހޭ ސަނަދުތަކާއި އެވޯޑުތައް ދިނުން؛

(ނ) އިލްމީ ދިރާސާކުރުމާއި އެ ދިރާސާތަކުގެ ފެންވަރު ހިފެހެއްޓުމާއި، ގައުމީ އަދި ބައިނަލްއަގްވާމީ މުޖްތަމައުގެ މަންފާއަށްޓަކައި
އެ ދިރާސާތައް ށާއިއުކުރުން؛

(ރ) ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ޔުނިވަރސިޓީގެ ވަސީލަތްތައް ތަރައްގީކޮށް، އިތުރަށް ބޭނުންވާ ވަސީލަތްތައް ހޯދުން؛

(ބ) އިސްލާމީ ށަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފުނުވާގޮތަށް މަތީގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުން.

 

37 ވަނަ މާއްދާ - ޔުނިވަރސިޓީގެ ބާރުތައް

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ޔުނިވަރސިޓީއަކަށް އެ ޔުނިވަރސިޓީއެއްގެ މަގްސަދުތައް ހާސިލުކުރުމަށާއި، އެ ޔުނިވަރސިޓީއެއްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި އަންނަނިވި ބާރުތައް ލިބިގެންވެއެވެ.

  1. ގަތުމާއި ކުއްޔަށް ހިފުމާއި ނުވަތަ އެހެން ގޮތަކުން ނަމަވެސް އުފުލޭ ނުވަތަ ނުއުފުލޭ މުދަލެއް ނުވަތަ އެހީއެއް ލިބިގަތުމާއި، ވިއްކުމާއި ކުއްޔަށް ދިނުމާއި ނުވަތަ އެނޫން ގޮތަކުން ނަމަވެސް މުދަލެއް ދޫކޮށްލުން؛
  2. ސައިންޓިފިކް ހޯދުންތަކާއި އިލްމީ ދިރާސާތައް އަދި އާ އުފެއްދުންތަކާއި މުދާ، ވިޔަފާރީގެ އުސޫލުން ތަރައްގީކުރުން؛
  3. ޔުނިވަރސިޓީގެ ފަރާތުން އެހެން ފަރާތްތަކަށް ކޮށްދޭ މަސައްކަތްތަކަށާއި، ދެވޭ ހިދުމަތްތަކަށާއި، ފޯރުކޮށްދެވޭ މައުލޫމާތަށާއި މުދަލަށް، އަގު ނުވަތަ ބަދަލު ހޯދުން؛
  4. ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށް މަގުފަހިވާ ގޮތެއްގެމަތިން ކުންފުނި އުފެއްދުމާއި އެހެން ފަރާތަކާ އެކުވެގެން ކުންފުނި އުފެއްދުމުގައި ބައިވެރިވުން؛
  5. ސެކިއުރިޓީޒްއަށް އިށްތިރާކު ދިނުމާއި ގަތުން؛
  6. އެކަޑެމިކް ޕާޓްނަރށިޕް އުފެއްދުން؛
  7. ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށް އެހީވެދޭ ވިޔަފާރިއާއި ފައިދާ ލިބޭފަދަ ކަންކަމުގައި ބައިވެރިވުން؛
  8. އަގުދުތައް ކުރުމާއި އެއްބަސްވުންތަކުގައި ބައިވެރިވުން؛
  9. އިމާރާތްތައް ބިނާކުރުން؛
  10. ޔުނިވަރސިޓީގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނޭ މުދަލާއި، ބިންތަކާއި، އިމާރާތްތައް ބޭނުންކޮށް އަދި އެއަށް އަމުރު ހިންގުން؛
  11. ވަޒީފާ ދިނުމާއި މުވައްޒަފުން ވަޒީފާއިން ވަކިކުރުން؛
  12. ޔުނިވަރސިޓީގެ ފައިސާއިން ވިޔަފާރިކުރުމާއި، ވިޔަފާރި ހުއްޓާލުން؛
  13. އިލްމީ ދިރާސާކުރުމާއި، އާ ހޯދުންތައް ޕޭޓެންޓްކުރުން؛
  14. ދަރިވަރުންނަށް ފައިސާގެ އެހީއާއި ލޯނު ދިނުން؛
  15. ސްކޮލަރށިޕް ދިނުމާއި ފެލޯށިޕް ދިނުން؛
  16. ރިސާރޗް ގްރާންޓް ހޯދުމާއި އެ ގްރާންޓް ހައްގުވާ ފަރާތްތަކަށް ދިނުން؛
  17. ޔުނިވަރސިޓީއަށް ހަދިޔާއާއި، އިނާޔަތާއި، ވަސިއްޔަތް ގަބޫލުކުރުމާއި، ވަގުފާއި ޓްރަސްޓް ބަލައިގަތުމާއި އެތަކެއްޗާ ގުޅުންހުރި އެންމެހައި ކަންކަން ކުރުން؛
  18. މި ގާނޫނުން ނުވަތަ އެހެން ގާނޫނަކުން ޔުނިވަރސިޓީއަށް ކުރުމުގެ ބާރު ލިބިފައިވާ އެހެނިހެން ކަންތައްތައް ކުރުން؛
  19. ޔުނިވަރސިޓީއަށް ލިބިގެންވާ ބާރުތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ބާރުތައް ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ޔުނިވަރސިޓީތަކުން އެކުލަވާލަންވާނެއެވެ.

 

38 ވަނަ މާއްދާ - ޔުނިވަރސިޓީ އެކުލެވިގެންވާ ގޮތް

(ހ) ޔުނިވަރސިޓީ އެކުލެވިގެންވާންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގުނަވަންތަކުގެ މައްޗަށެވެ.

  1. ޔުނިވަރސިޓީ މަޖިލިސް؛
  2. އެކަޑެމިކް ސެނެޓް؛
  3. އިދާރީ އަދި ތައުލީމީގޮތުން ޔުނިވަރސިޓީ ހިންގުމަށްޓަކައި ޔުނިވަރސިޓީގެ މަޖިލީހުން އުފައްދާ ކޮލެޖާއި، ފެކަލްޓީއާއި، ސެންޓަރާއި، ސްކޫލާއި، ޑިޕާޓްމަންޓާއި، ޑިވިޜަނާއި، އިންސްޓިޓިއުޓާއި ޔުނިޓްފަދަ ތަންތަން؛
  4. ށަކުވާބަލާ ކޮމިޓީ؛
  5. އިސްތިއުނާފު ކޮމިޓީ؛
  6. ޔުނިވަރސިޓީ މަޖިލީހުން ކަނޑައަޅާ ކުރިއާއި މިހާރުގެ ދަރިވަރުން؛
  7. ޔުނިވަރސިޓީގެ އެހެނިހެން އިދާރާތައް؛
  8. ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅާ ޔުނިވަރސިޓީގެ ފަންނީ، އިދާރީ އަދި އެހެނިހެން މުވައްޒަފުން.

(ށ) ޔުނިވަރސިޓީގެ ގުނަވަނެއްގެ މަގާމަކުން މުވައްޒަފުން އިސްތިއުފާދީފިނަމަ އަމަލުކުރާނެގޮތާއި، ޔުނިވަރސިޓީގެ ގުނަވަންތަކުން ހުސްވާ ގޮޑިއަށް މެންބަރުން އައްޔަންކުރާނެގޮތާއި، އިންތިހާބުކުރާނެގޮތް، އަދި ޔުނިވަރސިޓީގެ ގުނަވަންތަކުގެ ބައްދަލުވުންތައް ބާއްވާނެގޮތާއި، ކޮމިޓީތަކުގެ ރިޔާސަތު ބަލަހައްޓާނެގޮތް، އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ގުނަވަންތައް ހިންގާނެ ގޮތުގެ ތަފްސީލު މި ގާނޫނުގެ ދަށުން ޔުނިވަރސިޓީގެ މަޖިލީހުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

39 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލިސް

(ހ) ޔުނިވަރސިޓީގެ މަޖިލީހަކީ ޔުނިވަރސިޓީ ހިންގާ އެންމެ އިސްފަރާތެވެ. ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުން އެކުލެވިގެންވާ ގޮތާއި މެންބަރުންގެ މެންބަރުކަމުގެ ދައުރު، މި ގާނޫނުގެ ދަށުން ޔުނިވަރސިޓީގެ މަޖިލީހުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

(ށ) ޔުނިވަރސިޓީގެ މަޖިލީހުގެ ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ތަފްސީލުކޮށް ބަޔާންކުރަންވާނެއެވެ.

  1. ޔުނިވަރސިޓީގެ މަޖިލީހުގެ މަސްއޫލިއްޔަތުތައް؛
  2. ޔުނިވަރސިޓީގެ މަޖިލީހުގެ ޒިންމާ އެހެން ފަރާތަކާ ހަވާލުކުރުން؛
  3. ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުން؛
  4. ޔުނިވަރސިޓީގެ މަޖިލީހުގެ ގާނޫނީ އަދަދު؛
  5. ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުންގެ ށަރުތު؛
  6. ޔުނިވަރސިޓީގެ މަޖިލީހުގެ ރައީސްއާގުޅޭ ކަންކަން؛
  7. ޔުނިވަރސިޓީގެ މަޖިލީހުގެ ނައިބު ރައީސްއާގުޅޭ ކަންކަން؛
  8. ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތު؛
  9. ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުންގެ މަގާމު ހުސްވާނެ ހާލަތްތައް، އަދި އެ މަގާމުތައް ހުސްވުމާ ގުޅިގެން އަމަލުކުރާނެ އުސޫލު.

(ނ) ޔުނިވަރސިޓީގެ މަޖިލީހުން އެކުލަވާލާ އެންމެހައި އުސޫލުތަކާއި ގަވާއިދުތައް އަދި އެ މަޖިލީހުގެ ނިންމުންތަކުގައި ޔުނިވަރސިޓީގެ ސިއްކަޖަހައި ޔުނިވަރސިޓީގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. އަދި އެ ތަކެތި އާންމުކޮށް ފެންނާނެހެން ޔުނިވަރސިޓީގެ ވެބްސައިޓްގައި ހުންނަންވާނެއެވެ.

 

40 ވަނަ މާއްދާ - ޔުނިވަރސިޓީގެ އެކަޑެމިކް ސެނެޓް

(ހ) ޔުނިވަރސިޓީގެ ތައުލީމީ އަދި އިލްމީ ކަންތައްތަކާމެދު މަށްވަރާކޮށް އެ ކަންކަން މިސްރާބުކޮށް ވާނުވާބަލާ އެންމެ އިސް ކޮމިޓީގެ ގޮތުގައި، ޔުނިވަރސިޓީގެ މަޖިލީހުގެ ގަވާއިދުގެ ދަށުން އެކަޑެމިކް ސެނެޓެއް ގާއިމުކުރަންވާނެއެވެ.

(ށ) ޔުނިވަރސިޓީގެ އެކަޑެމިކް ސެނެޓްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް، އަދި އެކަޑެމިކް ސެނެޓްގެ މެންބަރުންނާގުޅޭ ކަންކަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ތަފްސީލުކޮށް ބަޔާންކުރަންވާނެއެވެ.

 

41 ވަނަ މާއްދާ - ޔުނިވަރސިޓީގެ މުވައްޒަފުންގެ ގަވާއިދު

ޔުނިވަރސިޓީގެ މުވައްޒަފުންނާ ގުޅުންހުރި ކަންކަމުގައި އަމަލުކުރާނެގޮތް ބަޔާންކުރާ ޔުނިވަރސިޓީގެ މުވައްޒަފުންގެ ގަވާއިދެއް ޔުނިވަރސިޓީގެ މަޖިލީހުން އެކުލަވާލަންވާނެއެވެ.

 

42 ވަނަ މާއްދާ - ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންގެ ސުލޫކީ މިންގަނޑު

(ހ) ޔުނިވަރސިޓީގައި މަސައްކަތްކުރާ މުވައްޒަފުންނާއި ދަރިވަރުންގެ ސުލޫކީ މިންގަނޑު އެ ޔުނިވަރސިޓީއަކުން އެކުލަވާލައި، އާންމުކުރަންވާނެއެވެ.

(ށ) ޔުނިވަރސިޓީގެ ދަރިވަރުންގެ ސުލޫކު ހިފެހެއްޓުމާއި ސުލޫކީ ފިޔަވަޅުތައް އެޅުމުގެ ބާރު ލިބިގެންވަނީ ޔުނިވަރސިޓީގެ މަޖިލީހުން އެކުލަވާލާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ވައިސް ޗާންސެލަރަށެވެ.

(ނ) މި މާއްދާގެ (ށ) އިން ވައިސް ޗާންސެލަރަށް ލިބިދޭ އެންމެހައި ބާރުތައް ނުވަތަ އޭގެ ތެރެއިން ބައެއް ބާރުތައް ވައިސް ޗާންސެލަރ ކަނޑައަޅާ އެހެން އިސް ވެރިއަކާ ހަވާލުކުރެވިދާނެއެވެ.

(ރ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް ޔުނިވަރސިޓީގެ ކޮންމެ ދަރިވަރަކަށްވެސް އަދި މުވައްޒަފަކަށްވެސް، ޔުނިވަރސިޓީގެ ކަމާބެހޭ އެއްވެސް ފަރާތަކުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފު ކޮމިޓީގައި އިސްތިއުނާފު ކުރެވިދާނެއެވެ.

 

43 ވަނަ މާއްދާ - ދިވެހިރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތައް

(ހ) ދިވެހިރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ޔުނިވަރސިޓީއަކުން ދިވެހިރާއްޖޭގައި ޔުނިވަރސިޓީ ތައުލީމުދޭން ގަސްތުކުރާނަމަ،
މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) ބޭރު ގައުމެއްގެ ޔުނިވަރސިޓީއެއްގެ ޕްރޮގްރާމްތައް ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކާ ގުޅިގެން ހިންގާނަމަ އެ ޕްރޮގްރާމެއް ދިވެހިރާއްޖޭގައި ހިންގުމުގެ ހުއްދައާއި އެކްރެޑިޓޭށަން ހޯދުމަށް
އެ ޕްރޮގްރާމް ހިންގަން ގަސްތުކުރާ ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުން، ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ހުއްދަ ދޫކުރެވޭ ބޭރުގެ ޔުނިވަރސިޓީން، އެ ޔުނިވަރސިޓީ ގާއިމުކޮށްފައިވާ ގައުމުގެ ކަމާބެހޭ ރަސްމީ އިދާރާއިން ޔުނިވަރސިޓީ ތައުލީމު ދިވެހިރާއްޖޭގައި ދިނުމަށް ހުއްދަދީ އަދި އެކްރެޑިޓްކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް އެންމެ ފުރަތަމަ ރަޖިސްޓަރީކުރުމަށް ހުށަހަޅާއިރު ހުށަހަޅަންވާނެއެވެ.

 

44 ވަނަ މާއްދާ - ޔުނިވަރސިޓީގެ ޗާޓަރުގައި ހިމަނަންޖެހޭ ކަންތައްތައް

މި ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ޔުނިވަރސިޓީގެ ޗާޓަރުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) ޔުނިވަރސިޓީގެ ގޮފި އުފައްދާނެ ގޮތް؛

(ށ) ރަޖިސްޓަރީ ބާތިލުކުރާނެ ގޮތް؛

(ނ) ޔުނިވަރސިޓީގެ އިސް ވެރިން އައްޔަންކުރާނެ ގޮތް؛

(ރ) މުވައްޒަފުންނާއި ދަރިވަރުންގެ ކޯޑް އޮފް ކޮންޑަކްޓް؛

(ބ) ޔުނިވަރސިޓީގެ ފައިސާ ހަރަދުކުރުމުގައި ރިޒާރވްކުރާނެ އެންމެ ދަށް މިންވަރު؛

(ޅ) ޔުނިވަރސިޓީއާއި ޔުނިވަރސިޓީގެ ވެރިންނާމެދު ފިޔަވަޅު އެޅޭނެ ނިޒާމް؛

(ކ) ޑިގްރީ ދިނުމާގުޅޭ ކަންކަން؛

(އ) ދަސްވެނިވުމުގެ ރަސްމިއްޔާތު؛

(ވ) ޔުނިވަރސިޓީ ހުންނަ ތަން؛

(މ) ފީއާގުޅޭ މައުލޫމާތު؛

(ފ) ޔުނިވަރސިޓީގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓުތައް އެކުލަވާލާނެ ގޮތް؛

(ދ) އިންތިގާލީ ކަންކަން؛

(ތ) ޔުނިވަރސިޓީގެ ދަރިވަރުންނާއި އިސް ދަރިވަރުންގެ ޖަމްއިއްޔާ ހެދުމާއި ހިންގުމުގެ އުސޫލު.

 

45 ވަނަ މާއްދާ - ޔުނިވަރސިޓީއާ ގުޅޭގޮތުން މިނިސްޓްރީއަށް ލިބިގެންވާ ބާރުތައް

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަށަވަރުކުރުމަށް އަންނަނިވި ކަންކަން ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ޔުނިވަރސިޓީގެ އިދާރީ އަދި ތައުލީމީ ހިންގުމުގެ ފެންވަރު ކަށަވަރުކުރުމަށް އަންނަނިވި ކަންކަން ތަހްގީގުކުރުން:
    i. މިނިސްޓްރީއަށް ހުށަހަޅަންޖެހޭ މައުލޫމާތުތައް ހުށަހެޅުމުގައި ސައްހަނޫން މައުލޫމާތު ހުށަހަޅާފައިވުން؛
    ii. ޔުނިވަރސިޓީން ނުވަތަ ޔުނިވަރސިޓީގެ މެންބަރަކު އިލްމީ ނަޒާހަތްތެރިކަން ގެއްލޭފަދަ އަމަލެއް ކުރުން؛
    iii. ޔުނިވަރސިޓީގެ މާލިއްޔާއާ ގުޅިގެން ހުށަހެޅޭ ށަކުވާތައް؛
    iv. ދަރިވަރުންގެ ހައްގުތަކާ ގުޅިގެން ހުށަހެޅޭ ށަކުވާތައް.
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައިވާ ކަންކަން ތަހްގީގުކުރުމަށްޓަކައި ކުރިން އެންގުމަކާ ނުލައި ޔުނިވަރސިޓީއަށް ވަދެ، ޔުނިވަރސިޓީގެ ލިޔެކިއުން ބެލުން؛
  3. މި އަކުރުގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން މިނިސްޓްރީން ކުރާކަމަކަށް ހުރަސްއަޅައި، އެއްބާރުލުން ދިނުމަށް ދެކޮޅުހަދާ ޔުނިވަރސިޓީގެ އޮފިށަލުންނާމެދު ފިޔަވަޅު އެޅުން؛

(ށ) މި މާއްދާގެ ދަށުން މިނިސްޓްރީން ތަހްގީގު ހިންގުމާގުޅޭ އިޖުރާއަތުތަކާއި، ޔުނިވަރސިޓީގެ އޮފިށަލުންނާމެދު ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

46 ވަނަ މާއްދާ - ރަޖިސްޓަރޭށަން ބާތިލުކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި ޔުނިވަރސިޓީއަކަށް ދޫކޮށްފައިވާ ރަޖިސްޓަރޭށަން ބާތިލުކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

  1. ޔުނިވަރސިޓީގެ ޗާޓަރ ހުށަހެޅުމުގައި ސައްހަ ނޫން މައުލޫމާތު ހިމަނާފައިވާކަން މިނިސްޓްރީއަށް ސާބިތުވުން؛
  2. މި ގާނޫނުގައި ޔުނިވަރސިޓީ ރަޖިސްޓަރީކުރުމަށް ފުރިހަމަވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ށަރުތުތަކުންކުރެ ށަރުތެއް އުނިވުން؛
  3. ޔުނިވަރސިޓީގެ ރަޖިސްޓަރޭށަން ބާތިލުކުރުމަށް އެދި އެ ޔުނިވަރސިޓީއަކުން ހުށަހެޅުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުންކުރެ ހާލަތެއް ދިމާވެއްޖެނަމަ، އެކަމާ ގުޅިގެން ޖަވާބުދާރީވުމަށް ގިނަވެގެން 30 (ތިރީސް) ދުވަހުގެ ނޯޓިހެއް
އެ ޔުނިވަރސިޓީއަކަށް މިނިސްޓަރު ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ޖަވާބުދާރީވުމަށް ދެވޭ ފުރުސަތުގައި
އެ ޔުނިވަރސިޓީއަކުން އިސްލާހުކުރަންޖެހޭ ކަންކަން ހުރިކަމަށް މިނިސްޓަރަށް ފެންނަނަމަ، އެ ކަންކަން އިސްލާހުކުރުމަށް 3 (ތިނެއް) މަސްދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ކަންކަން އިސްލާހުކުރުމަށް ދެވޭ މުއްދަތުގައި އެ ކަންކަން އިސްލާހުނުކޮށްފިނަމަ، ތިރީގައިވާ މަރުހަލާތަކަށްފަހު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ޔުނިވަރސިޓީއެއްގެ ޗާޓަރާއި ރަޖިސްޓަރޭށަން ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

  1. މިނިސްޓްރީގެ 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލެއް މިނިސްޓަރު އެކުލަވާލައި، އެ މައްސަލަ ބެލުން؛ އަދި
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕެނަލުން އެ ޔުނިވަރސިޓީއެއް އުވާލަންޖެހޭކަމަށް މިނިސްޓަރަށް ލަފާ ދިނުން.

 
ފަސްވަނަ ބާބު

ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުން

 

47 ވަނަ މާއްދާ - ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ރަޖިސްޓަރީކުރުން

(ހ) ދިވެހިރާއްޖޭގައި ކޮލެޖެއް ނުވަތަ އިންސްޓިޓިއުޓެއް ރަޖިސްޓަރީކޮށް ހިންގަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެންނެވެ.

(ށ) ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއް ކޮލެޖެއްގެ ގޮތުގައި ރަޖިސްޓަރީކުރެވޭނީ، އެ މަރުކަޒެއް އިންސްޓިޓިއުޓެއްގެ ގޮތުގައި މެދުކެނޑުމެއްނެތި ހިންގަމުން އަންނަތާ މަދުވެގެން
10 (ދިހައެއް) އަހަރުވެފައިވުމާއެކު، އެ މަރުކަޒެއްގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ގެ ޕްރޮގްރާމްތައް މެދުކެނޑުމެއްނެތި 5 (ފަހެއް) އަހަރުވަންދެން ހިންގާފައިވާނަމައެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ކޮލެޖެއް ނުވަތަ އިންސްޓިޓިއުޓެއް ރަޖިސްޓަރީކުރާއިރު، އެ ކޮލެޖަކީ ނުވަތަ އިންސްޓިޓިއުޓަކީ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، އަދި ކޮލެޖެއްގެ ގޮތުގައި ނުވަތަ އިންސްޓިޓިއުޓެއްގެ ގޮތުގައި ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނެއްކަން މިނިސްޓްރީން ކަށަވަރުކުރަންވާނެއެވެ.

 

48 ވަނަ މާއްދާ - ދައުލަތުގެ އިދާރާތަކުން ތަމްރީނުދޭ ޕްރޮގްރާމްތައް ހިންގުން

(ހ) ދައުލަތުގެ އިދާރާތަކުން ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުގައި ހިންގޭނީ، އެ އިދާރާއަކަށް ހާއްސަ ދާއިރާއިން، އެ އިދާރާއެއްގެ މުވައްޒަފުން ވަޒީފާއަށް އަހުލުވެރިކުރުވުމަށްޓަކައި އެ އިދާރާއެއްގެ މުވައްޒަފުންނަށް އަމާޒުކުރެވިގެން "އިން-ސަރވިސް ޕްރޮގްރާމް"
ގެ ގޮތުގައި ހިންގާ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ނުހިމެނޭ މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކެވެ.

(ށ) އެ އިދާރާއެއްގެ މެންޑޭޓުގައި ތަމްރީނު ދިނުން ހިމެނޭ ދައުލަތުގެ އިދާރާއަކުން، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގަން ދަތިވާފަދަ ވަކި ހާއްސަ ރޮނގަކުން ތަމްރީނު ޕްރޮގްރާމެއް ރަޖިސްޓަރީކޮށް ހިންގުމުގެ ހުއްދަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީން ދެވިދާނެއެވެ.

 

ހަވަނަ ބާބު

މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ގައުމީ ނިޒާމް

49 ވަނަ މާއްދާ - މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ގައުމީ ނިޒާމް

މި ގާނޫނުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން، މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ގައުމީ ނިޒާމް އެކުލަވާލަންވާނެއެވެ.

 

50 ވަނަ މާއްދާ - މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ގައުމީ ނިޒާމުގެ މަގްސަދު

މި ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން އެކުލަވާލާ މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ގައުމީ ނިޒާމުގެ މަގްސަދުތައް ތިރީގައި އެވަނީއެވެ.

(ހ) ވަޒީފާ ހޯދުމަށް ނުވަތަ އާމްދަނީއެއް ހޯދުމަށް ބޭނުންވާނެ މަސައްކަތްތެރިކަމުގެ ހުނަރުތައް ދެނެގަނެ، އެ ހުނަރުތަކުގެ ތަމްރީނުތައް ދިނުމަށް ބޭނުންވާނެ ގައުމީ ފެންވަރުގެ އޮނިގަނޑެއް އެކުލަވާލުން؛

(ށ) ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ތަފާތު ފަންނީ ދާއިރާތަކުން ކޮމްޕިޓެންސީ ސްޓޭންޑަރޑްތައް އުފެއްދުން؛

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތައް ބޭނުންކޮށްގެން ތަމްރީނުދޭ ފަރާތްތަކުންނާއި، ވަޒީފާދޭ ފަރާތްތައް މެދުވެރިކޮށް ހިންގާ ތަމްރީނުތަކުގެ ފެންވަރު ބެލެހެއްޓުން؛

(ރ) ތަމްރީނުދޭ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވުމާއި، އިމްތިހާނުދޭ ފަރާތްތައް ތަމްރީނުކުރުން؛

(ބ) ތަމްރީނުދޭ ފަރާތްތަކުން ހިންގާ ތަމްރީނު ޕްރޮގްރާމްތައް އިމްތިހާނުކޮށް އަދި ފާސްވާ ފަރާތްތަކަށް ދެވޭ ސަނަދުތައް އެންޑޯސްކޮށްދިނުން.

 

51 ވަނަ މާއްދާ - މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު "މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ" ގެ ނަމުގައި ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ކަންކަން ބަލަހައްޓައި، އަދި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެކަންކަން ތަންފީޒުކުރާ ސަރުކާރުގެ އިދާރާއެއް އުފެދުނީއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ޓެކްނިކަލް އެންޑް ވޮކޭށަނަލް އެޑިއުކޭށަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (ޓީވެޓް)
ގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި، ފައިސާއާއި، ވަސީލަތްތަކާއި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި އެ އޮތޯރިޓީއަށް ކަނޑައަޅާފައިވާ ބަޖެޓާއި، ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮތޯރިޓީއަށް ލިބިދޭ ހައްގުތަކާއި މަންފާތަކާއި، ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮތޯރިޓީން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް، މި މާއްދާގެ (ހ) ގެ ދަށުން އުފެދޭ އިދާރާއަށް ބަދަލުވީއެވެ.

(ނ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ޓެކްނިކަލް އެންޑް ވޮކޭށަނަލް އެޑިއުކޭށަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (ޓީވެޓް) ގެ އެންމެހައި މުވައްޒަފުން، މި މާއްދާގެ (ހ) ގެ ދަށުން އުފެދޭ އިދާރާއަށް އެހިނދުން ފެށިގެން ބަދަލުވީއެވެ.

 

52 ވަނަ މާއްދާ - މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތު

މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) ވަޒީފާތަކަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރުތައް ކަނޑައަޅައި، އެފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސިޔާސަތުތައް އެކަށައެޅުން؛

(ށ) އެޕްރެންޓިށިޕް ނިޒާމް ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމާއި، އެޕްރެންޓިށިޕް ޕްރޮގްރާމްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ރަޖިސްޓަރީކުރުމާއި، އެ މައުލޫމާތު އެއްކޮށް، ރައްކާކުރުމާއި، އެ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން؛

(ނ) މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޕްރޮގްރާމްތަކުގައި ތަމްރީނުދޭ ފަރާތްތަކާއި، އެޕްރެންޓިށިޕް ޕްރޮގްރާމް ހިންގުމުގައި ބައިވެރިވާ ވަޒީފާދޭ ފަރާތްތައް ރަޖިސްޓަރީކުރުމާއި، އެފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުން؛

(ރ) އެމްޕްލޯޔަރ ބޭސްޑް ޓްރެއިނިންގ ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމާއި، އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ރަޖިސްޓަރީކުރުމާއި، އެ މައުލޫމާތު އެއްކޮށް، ރައްކާކުރުމާއި،
އެ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން؛

(ބ) ރަސްމީ ނިޒާމެއްގެ ތެރެއިން ދެވޭ ސަނަދެއް ނެތި އެއް ބާވަތެއްގެ މަސައްކަތުގައި ދެމިތިބޭ މުވައްޒަފުންނަށް މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން، މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ނިޒާމުގެ ތެރެއިން ރިކޮގްނިށަން އޮފް ޕްރަޔަރ ލަރނިންގ ނިޒާމެއް ގާއިމުކޮށް އެ ނިޒާމް ތަންފީޒުކުރުން؛

(ޅ) މަސައްކަތުގެ ތައުލީމާއި ތަމްރީނުގެ ދާއިރާތަކަށް މީހުން ބިނާކުރުމަށް ބޭނުންވާނެ ކޮމްޕިޓެންސީ ސްޓޭންޑަރޑްތައް އެކުލަވާލުމާއި، ޓްރެއިނިންގ މެޓީރިއަލް އުފެއްދުމާއި، އެ ތަކެތި މުރާޖާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން؛

(ކ) ކޮމްޕިޓެންސީ ސްޓޭންޑަރޑްތަކުގައި ބަޔާންކުރާ މިންގަނޑާއި ދަރިވަރުން ހާސިލުކުރަންޖެހޭ ފެންވަރު ވަޒަންކުރާ މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިން، ހުނަރު ހާސިލުވެފައިވާ މިންވަރު ދެނެގަތުމުގެ އިމްތިހާނުތައް ކުރިއަށް ގެންދިއުން؛

(އ) ދިވެހިރާއްޖޭގެ ސަރަހައްދުތަކާއި ރަށްރަށުގައި އާލާވެފައިވާ މަސައްކަތްތެރިކަމާއި، ނެތެމުންދާ ސަގާފަތާއި ފަންނުތައް ދިރުވައި އާލާކުރުމަށްޓަކައި އެ ފަންނުތައް ފާހަގަކޮށް، އެ ދާއިރާތަކުން މީހުން ތަމްރީނުކުރަންޖެހޭ މިންވަރާއި ފެންވަރު ކަނޑައެޅުން؛

(ވ) މަސައްކަތުގެ ތައުލީމާއި ތަމްރީނުދޭ ފަރާތްތަކާއި އިމްތިހާނުދޭ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމާއި ބެލެހެއްޓުމުގެ އުސޫލުތައް
މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރުން؛

(މ) ފަންނީ މާހިރުންގެ ޕެނަލްތައް އެކުލަވާލުމާއި، އެ ޕެނަލްތަކުގެ ފަންނީ އެހީގައި ކޮންޕިޓެންސީ ސްޓޭންޑަރޑްތައް ތައްޔާރުކޮށް ސެކްޓަރ ކައުންސިލްތަކަށް ހުށަހަޅައި ފާސްކުރުން؛

(ފ) މަސައްކަތުގެ ތައުލީމާއި ތަމްރީނުގެ ނިޒާމުގެ ތެރޭގައި ހިންގާ ތަމްރީނުތަކާއި ޕްރޮގްރާމްތަކާ ގުޅޭގޮތުން އެކި ފަރާތްތަކަށް ފަންނީ ލަފާދިނުން؛

(ދ) ވަޒީފާދޭ ފަރާތްތަކާއި، ދަރިވަރުންނާއި، ސަރުކާރާއި، ދައުލަތުގެ އިދާރާތައް ގުޅިގެން މަސައްކަތުގެ ތައުލީމާއި ތަމްރީނުގެ ނިޒާމް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ހިންގުމަށް ބޭނުންވާ ފައިސާ ލިބޭނެ އިންތިޒާމެއް ގާއިމުކުރުން؛

(ތ) މަސައްކަތުގެ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތަކާބެހޭ މައުލޫމާތު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދީ، ތަމްރީނުދޭނެ ފަރާތްތަކާއި، ތަމްރީނު ލިބިގަންނަ ފަރާތްތައް ހޯދުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން؛

(ލ) ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ މަސައްކަތުގެ ތައުލީމާއި ތަމްރީނުގެ ނިޒާމް ފަރުމާކޮށް އެ ނިޒާމުގެ ފެންވަރު ހިފެހެއްޓުން؛

(ގ) މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓްރީގެ ލަފާ ހޯދުން.

 

53 ވަނަ މާއްދާ - މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބާރުތައް

މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި އަންނަނިވި ބާރުތައް އެ އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ހ) މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސައްކަތްތަކަށް ބޭނުންވާ ކޮމިޓީތައް އެކުލަވާލުމާއި އެ ކޮމިޓީތައް އުވާލުން؛

(ށ) މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސައްކަތްތަކަށް ބޭނުންވާ ކޮމިޓީތަކުގެ މަސައްކަތުގެ ދާއިރާތަކާއި، އެ ކޮމިޓީތަކުގެ ހިންގާ ގަވާއިދު އެކުލަވާލުން؛

(ނ) މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ނިޒާމުގައި ހިންގާ ޕްރޮގްރާމްތައް ރަޖިސްޓަރީކުރުމާއި، އެ ޕްރޮގްރާމްތައް މޮނިޓަރކުރުމާއި، އެ ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމާއި، ބައިވެރިން އެސެސްކުރުންފަދަ ހިދުމަތްތަކަށް ނަގާނެ ފީ ކަނޑައަޅައި، އެ ފީތައް އާންމުކުރުން.

 

54 ވަނަ މާއްދާ - މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ

(ހ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސައްކަތް ދުވަހުން ދުވަހަށް ރާވައި ހިންގުމުގެ އެންމެ އިސް ވެރިޔަކީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

(ށ) ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން ފިޔަވައި، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ ތަމްސީލުކުރަންޖެހޭ އެހެން ކަންކަމުގައި އެ އޮތޯރިޓީ ތަމްސީލުކުރާނީ، އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

(ނ) މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަސައްކަތާގުޅޭ ކަންކަމުގައި އޭނާ ޖަވާބުދާރީވާނީ، މިނިސްޓަރަށެވެ.

 

55 ވަނަ މާއްދާ - މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އައްޔަންކޮށް ވަކިކުރުން

(ހ) މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް މީހަކު އައްޔަންކޮށް ވަކިކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެ މަގާމަކީ ސްޓޭޓް މިނިސްޓަރުގެ މަގާމާ އެއް ފެންވަރުގެ މަގާމެކެވެ.

(ށ) މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. މުސްލިމަކު ކަމުގައިވުން؛
  2. ދިވެހިރައްޔިތަކު ކަމުގައިވުން؛
  3. މާސްޓަރޒް ޑިގްރީ ހާސިލުކޮށްފައިވުން؛
  4. މަސައްކަތުގެ ދާއިރާއިން މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

(ނ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން އައްޔަންކުރާ، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފުރަތަމަ ޗީފް އެގްޒެކެޓިވް އޮފިސަރ އައްޔަންކުރަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ޗީފް އެގްޒެކެޓިވް އޮފިސަރުގެ ގޮތުގައި އައްޔަންކުރާ ފަރާތް އައްޔަންކުރެވޭނީ 5 (ފަހެއް) އަހަރުދުވަހުގެ 1 (އެކެއް) ދައުރަށެވެ.

(ބ) މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ކިބައިގައި ހުރުން މި ގާނޫނުން ލާޒިމުކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވެއްޖެނަމަ، އޭނާ މަގާމުން ވަކިކުރަންވާނެއެވެ.

(ޅ) މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގެ މުއްދަތު ހަމަވުމުގެ ކުރިން، އޭނާގެ މަސްއޫލިއްޔަތު އަދާނުކުރެވޭކަމަށް ފެނިއްޖެ ހިނދެއްގައި، ނުވަތަ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެކަމަށް ފެނިއްޖެ ހިނދެއްގައި އޭނާ މަގާމުން ވަކިކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

56 ވަނަ މާއްދާ - މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިސްތިއުފާ ދިނުން

މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން ހުށަހަޅައި، އެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އޭނާ މަގާމުން ވަކިވީއެވެ.

 

57 ވަނަ މާއްދާ - މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މާލިއްޔަތު

(ހ) މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައި، އެ އޮތޯރިޓީއަށް ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ ހިންގުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުގައި ހިމެނުމަށްޓަކައި، ގާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރަށް މިނިސްޓްރީން ފޮނުވަންވާނެއެވެ.

 

58 ވަނަ މާއްދާ - ސެކްޓަރ ކައުންސިލް

(ހ) ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތައް ދެނެގަތުމާއި، ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް މީހުން ބޭނުންވާނެ ދާއިރާތައް ފާހަގަކޮށް ނޭށަނަލް އޮކިޔުޕޭށަނަލް ސްޓޭންޑަރޑްތައް އެކުލަވާލުމާއި އެ އޮކިޔުޕޭށަނަލް ސްޓޭންޑަރޑްތަކަށް ހިންގާ ތަމްރީނުތަކުގެ ފެންވަރު ބެލުމާގުޅޭ ކަންކަން ކުރުމަށް، އެ ދާއިރާތަކަށް ގައުމީ ތަރައްގީއާއި އިގްތިސާދާ ގުޅުންހުރި ދާއިރާތައް ހިމަނައިގެން މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ސެކްޓަރ ކައުންސިލްތައް އެކުލަވާލަންވާނެއެވެ.

(ށ) އެމްޕްލޯއިމެންޓް ސެކްޓަރ ކައުންސިލްތައް އެކުލަވާލައި، އެ ކައުންސިލްތައް އެކުލެވިގެންވާ ގޮތުގެ ތަފްސީލު މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހިމަނަންވާނެއެވެ. 

(ނ) މި މާއްދާގެ ދަށުން އެކުލަވާލާ ކައުންސިލްތަކަށް މެންބަރުން އައްޔަންކުރާނީ މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ލަފަޔާއެކު، މިނިސްޓަރެވެ.

 

59 ވަނަ މާއްދާ - މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ އޮނިގަނޑު

މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ އޮނިގަނޑެއް މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން އެކުލަވާލަންވާނެއެވެ.

 

60 ވަނަ މާއްދާ - މަސައްކަތުގެ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް

(ހ) މަސައްކަތުގެ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ރޭވިފައި ހުންނަންވާނީ އަންނަނިވި ކަންކަން ހިމެނޭގޮތުންނެވެ. އަމަލީ ތަމްރީނު އިންތިޒާމް ކުރެވިފައި ހުންނަންވާނީ މި ގާނޫނުގެ ދަށުން ހެދޭ އަމަލީ ތަމްރީނު ދިނުމާބެހޭ އުސޫލުގެ ދަށުންނެވެ.

  1. އެ ޕްރޮގްރާމަކާ ގުޅޭގޮތުން އަމަލީ ތަމްރީނު ހޯދުމުގެ އިންތިޒާމްތައް؛
  2. މަސައްކަތުގެ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ނިންމުމަށްފަހު ދަރިވަރުންނަށް އެ ސަނަދެއްގައި އެނގެންޖެހޭ މިންވަރު ހާސިލުވިތޯ ބެލުމަށް އިމްތިހާނެއް ދިނުން.

(ށ) މަސައްކަތުގެ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ނިންމާ ދަރިވަރުންގެ ތެރެއިން ކޮމްޕިޓެންސީ ސްޓޭންޑަރޑްތަކުގެ ދަށުން ކިޔަވާ ދަރިވަރުން ހާސިލުކުރާ ސަނަދުތައް މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ގަބޫލުކުރަންވާނެއެވެ.

 

ހަތްވަނަ ބާބު

ފިޔަވަޅު އެޅުން

61 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ޔުނިވަރސިޓީ ހިންގުން

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޔުނިވަރސިޓީއެއްގެ ހައިސިއްޔަތު ލިބިގެން ނޫނީ، ދިވެހިރާއްޖޭގައި ޔުނިވަރސިޓީއެއްގެ ނަމުގައި ތައުލީމުދޭ މަރުކަޒެއް ހިންގުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، 50,000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

 

62 ވަނަ މާއްދާ - ރަޖިސްޓަރީ ނުކޮށް ކޮލެޖް ހިންގުން

(ހ) މި ގާނޫނާއި މި ގާނޫނު ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮލެޖެއްގެ ހައިސިއްޔަތު ލިބިގެން ނޫނީ، ދިވެހިރާއްޖޭގައި ކޮލެޖެއްގެ ނަމުގައި ތައުލީމުދޭ މަރުކަޒެއް ހިންގުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، 40,000 (ސާޅީސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

 

63 ވަނަ މާއްދާ - ރަޖިސްޓަރީ ނުކޮށް އިންސްޓިޓިއުޓް ހިންގުން

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިންސްޓިޓިއުޓެއްގެ ހައިސިއްޔަތު ލިބިގެން ނޫނީ، ދިވެހިރާއްޖޭގައި އިންސްޓިޓިއުޓެއްގެ ނަމުގައި ތައުލީމުދޭ މަރުކަޒެއް ހިންގުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، 30,000 (ތިރީސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

 

64 ވަނަ މާއްދާ - އިށްތިހާރުކުރުން މަނާ ހާލަތްތައް

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މަތީ ތައުލީމުދޭ މަރުކަޒަކުން މެނުވީ ޔުނިވަރސިޓީއެއް ކަމަށް، ނުވަތަ ކޮލެޖެއް ކަމަށް ނުވަތަ އިންސްޓިޓިއުޓެއް ކަމަށް އެއްވެސް ފަރާތަކުން ބްރޯށަރއާއި، ލީފްލެޓް މެދުވެރިކޮށް ނުވަތަ އެހެނިހެން ގޮތްގޮތުން ވެސް އިށްތިހާރުކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، 25,000 (ފަންސަވީސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

 

65 ވަނަ މާއްދާ - ދަރިވަރުގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުމާއި، ދަރިވަރުންނަށް މަސައްކަތްކޮށްދިނުމާއި މަސައްކަތްކޮށްދިނުމަށް ހުށަހެޅުން

(ހ) އެއްވެސް މީހަކު އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ މަނާކަމެކެވެ.

  1. މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުން ނުވަތަ އެހެން ފަރާތަކަށް އަގުދީގެން ކުރުވުން؛
     
  2. މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް، އަގަށް ނުވަތަ އެނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ކޮށްދިނުމާއި ކޮށްދިނުމަށް ހުށަހެޅުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލެއް ކޮށްފި ދަރިވަރެއްގެ އަދަބަކީ 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލެއް ކޮށްފި ފަރާތެއް އަދަބަކީ 10,000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

(ރ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ އަމަލެއް ދަރިވަރަކު ހިންގައިފިނަމަ، އެކަން ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މަތީ ތައުލީމުދޭ ކޮންމެ މަރުކަޒެއްގައި ގާއިމުކޮށްފައި އޮންނަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން މައްސަލައެއް ބެލުމަށްފަހު މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ އަމަލެއް ދަރިވަރަކު ހިންގައިފިކަމަށް މަތީ ތައުލީމުދޭ މަރުކަޒަކުން ކަނޑައަޅައިފިނަމަ، އެ ދަރިވަރު ހިންގި އަމަލަކީ، މަތީ ތައުލީމުދޭ މަރުކަޒުން ކަމާ ގުޅޭގޮތުން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން ކުރުން މަނާ އަމަލެއް ކަމުގައިވާނަމަ، އެ ދަރިވަރަކާމެދު މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފިޔަވަޅު އެޅުމުގެ އިތުރުން، މަތީ ތައުލީމުދޭ މަރުކަޒުގެ ގަވާއިދުގައި ބަޔާންކުރާ އިތުރު ފިޔަވަޅެއް އެ ދަރިވަރަކާމެދު އެޅުމަށް މި ގާނޫނު ހުރަހެއްނާޅައެވެ.

(ޅ) މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން މަތީ ތައުލީމުދޭ މަރުކަޒުތަކުން އަމަލުކުރަމުންދޭތޯ ބަލައި، އެ ތަންތަން މޮނިޓަރކޮށް ފިޔަވަޅު އެޅޭނެ ނިޒާމެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން މިނިސްޓްރީން ގާއިމުކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތަކުން އެ ނަންބަރުގައި ބަޔާންކުރާ އަމަލެއް ހިންގައިފިނަމަ، އެފަރާތަކާމެދު ފިޔަވަޅުއަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން މިނިސްޓްރީން ގާއިމުކުރާ ނިޒާމުގެ ދަށުންނެވެ.

(އ) މި މާއްދާގެ (ރ) ގެ ދަށުން މަތީ ތައުލީމުދޭ މަރުކަޒަކުން މައްސަލައެއް ބެލުމަށްފަހު މި މާއްދާގެ (ށ) ގެ ދަށުން ދަރިވަރަކު ޖޫރިމަނާކުރުމަށް ނިންމައިފިނަމަ، ނުވަތަ މި މާއްދާގެ (ކ) ގެ ދަށުން މިނިސްޓްރީން މައްސަލައެއް ބެލުމަށްފަހު މި މާއްދާގެ (ނ) ގެ ދަށުން އެއްވެސް ފަރާތެއް ޖޫރިމަނާކުރުމަށް ނިންމައިފިނަމަ، އެ ޖޫރިމަނާގެ ފައިސާ ދައްކަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ތަނަކަށެވެ.

 

66 ވަނަ މާއްދާ - ސައްހަނޫން މައުލޫމާތު ހުށަހެޅުން

(ހ) މި ގާނޫނުގެ ދަށުން ޔުނިވަރސިޓީއެއް ނުވަތަ ކޮލެޖެއް ނުވަތަ އިންސްޓިޓިއުޓެއް ހިންގުމަށް އެދި ހުށަހެޅުމުގައި، ނުވަތަ މިނިސްޓްރީއަށް ފޮނުވަންޖެހޭ އެހެނިހެން މައުލޫމާތު ފޮނުވުމުގައި ސައްހަނޫން މައުލޫމާތު ހުށަހެޅުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، 25,000 (ފަންސަވީސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

 

67 ވަނަ މާއްދާ - ފިޔަވަޅު އެޅުމުގެ ބާރު

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ބާބުގައި ބަޔާންކޮށްފައިވާ ކުށްތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ތަހްގީގުކުރުމާއި، އެއްވެސް ފަރާތެއްގެ މައްޗަށް އެއިން ކުށެއް ސާބިތުވެއްޖެނަމަ މި ބާބުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި ބާބުގައި ބަޔާންކޮށްފައިވާ ކުށްތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ތަހްގީގުކުރުމުގައާއި ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އުސޫލުތައް  މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

68 ވަނަ މާއްދާ - މި ގާނޫނުގައި އަދަބު ކަނޑައެޅިފައިނުވާ ކަންކަން

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މި ގާނޫނުގައި ވަކި ގޮތަކަށް ބަޔާންކޮށްފައިނުވާ ކަންކަމުގެ އަދަބަކީ 10,000 (ދިހަހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

69 ވަނަ މާއްދާ - ޖިނާއީ ތަހްގީގު ހިންގުން

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒުކުރުމުގައި، އެއްވެސް ފަރާތަކުން މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފަށްކުރާ އަމަލެއްގައި ޖިނާއީ ކުށެއް އެކުލެވިގެންވާނަމަ، އެކަން ތަހްގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް މިނިސްޓްރީން ހުށަހަޅަންވާނެއެވެ.

 

70 ވަނަ މާއްދާ - ބަދަލު ހޯދުމަށް ދައުވާ ކުރުން

މި ގާނޫނުގައި ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރުމުގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ގެއްލުމެއްގެ ބަދަލު ހޯދުމަށް އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ހައްގު އެ މީހަކަށް ލިބިގެންވެއެވެ.

 

އަށްވަނަ ބާބު

އެހެނިހެން ކަންކަން

71 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީންނެވެ.

(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ
 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.
 
 
(ނ) މި ގާނޫނުގެ ދަށުން މިނިސްޓްރީން އަންނަނިވި ގަވާއިދުތައް ހަދަންވާނެއެވެ.

  1. މަތީ ތައުލީމުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު؛
  2. ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު؛
  3. ދިވެހިރާއްޖޭގައި ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު؛
  4. މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް ދަރިވަރުން ހާޒިރުވާގޮތަށް ކިޔަވައިދޭ ޕްރޮގްރާމްތަކާއި ދަރިވަރުން ހާޒިރުވާންނުޖެހޭ ގޮތަށް ހިންގާ ޕްރޮގްރާމްތައް އަދި އެ ދެބައި ހިމަނައިގެން ހިންގާ ޕްރޮގްރާމްތައް ހިންގުމުގެ ގަވާއިދު؛
  5. ދިވެހިރާއްޖެއިން ބޭރުގެ ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ނުވަތަ ކޮލެޖްތަކުގެ ކެމްޕަސްތައް ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު؛
  6. ދައުލަތުގެ އިދާރާތަކުން މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމުގެ ގަވާއިދު؛
  7. މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ގަވާއިދު؛
  8. މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގައި ބޭނުންކުރާ ނަންތައް ކިޔުމުގެ ގަވާއިދު؛
  9. ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު؛
  10. މި ގާނޫނު ހިންގުމަށްޓަކައި އެކުލަވާލަންވާނެކަމަށް މިނިސްޓްރީއަށް ފެންނަ މިނޫންވެސް ގަވާއިދުތައް.

 

72 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

73 މާނަކުރުން

މި ގާނޫނުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައިވަނީ ތިރީގައިވާ މާނައިގައެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ވުޒާރާއަށެވެ.

(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ވުޒާރާގެ ވަޒީރަށެވެ.

(ނ) "ކޮލެޖް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ކޮލެޖެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ މަތީ ތައުލީމާއި ތަމްރީނުދޭ ހުރިހާ ކޮލެޖްތަކަށެވެ.

(ރ) "ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމުގެ ސަނަދުތައް ގިންތިކޮށް މިންގަނޑު ކަނޑައަޅައި އެކަށައަޅާފައިވާ އޮނިގަނޑެވެ. އެ އޮނިގަނޑަށް އިނގިރޭސި ބަހުން ކިޔާނީ "މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވަރކް" އެވެ.

(ބ) "ސަނަދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅި ގިންތިކުރެވިފައިވާ ސަނަދުތަކަށެވެ.

(ޅ) "މަތީ ތައުލީމާއި ތަމްރީނު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ މަރުކަޒެއްގައި ދެވޭ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްއަކަށް ފެތޭ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތަކަށާއި، ނޭށަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްގައި ބަޔާންކުރާ، އަދި އެ ސްޓޭންޑަރޑަށް ތައްޔާރުކޮށް ހިންގާ މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކަށެވެ.

(ކ) "ކޮމްޕިޓެންސީ ސްޓޭންޑަރޑް" ކަމަށް ބުނެފައި އެވަނީ، ފަންނީ މަސައްކަތްތެރިކަމުގެ ވަޒީފާއަށް މީހުން ބިނާކުރުމަށް ބޭނުންވާ އަސާސީ އިލްމާއި ހުނަރުތަކުގެ މިންގަނޑުތަކަށެވެ.

(އ) "މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނު ދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަންތަނަށެވެ.

(ވ) "އިންސްޓިޓިއުށަނަލް އޮޑިޓް" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކޮށް ވަޒަންކުރުމަށް ބޭނުންކުރާ މިންގަނޑަށެވެ.

(މ) "އެޕްރެންޓިށިޕް" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅިފައިވާ ވަކި ނިޒާމެއްގެ ދަށުން ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކާއި ވަޒީފާދޭ ފަރާތްތަކާ ގުޅިގެން ފޯރުކޮށްދޭ ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ތަމްރީނު ޕްރޮގްރާމްތަކަށެވެ.

(ފ) "އެމްޕްލޯޔަރ ބޭސްޑް ޓްރެއިނިންގ" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތްތައް މެދުވެރިކޮށް ފޯރުކޮށްދޭ ތަމްރީނު ޕްރޮގްރާމްތަކަށެވެ.

(ދ) "ސެކްޓަރ ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ކަނޑައަޅާ ދާއިރާއިން ވަޒީފާދޭ ފަރާތްތަކާއި ދާއިރާގެ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ މާހިރުންނާއި ދާއިރާގެ ފަންނީ ޖަމްއިއްޔާތައް ހިމެނޭހެން އެކުލަވާލެވޭ ފަންނީ ޕެނަލަށެވެ.

(ތ) "ރިކޮގްނިށަން އޮފް ޕްރަޔަރ ލަރނިންގ" ކަމަށް ބުނެފައި އެވަނީ، ރަސްމީ ނިޒާމެއްގެ ތެރެއިން ކަނޑައެޅޭ ވަކި ސަނަދެއް ނެތި މަސައްކަތުގައި ދެމިތިބޭ ފަރާތްތަކަށް، މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ނިޒާމުގެ ތެރެއިން އެފަރާތްތަކުގެ ފެންވަރު ދެނެގަނެ، މަތީ ހަރުފަތަކަށް ވާސިލުވުމަށްޓަކައި މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު ފަހިކޮށްދޭ އުސޫލަށެވެ.

(ލ) "އިންސްޓިޓިއުޓް" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި، މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަނަށެވެ.

(ގ) "އައުޓްރީޗް ސެންޓަރ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ އިންސްޓިޓިއުޓްގެ މައި މަރުކަޒު ފިޔަވައި އެހެން ތަނެއްގައި އެ މަރުކަޒަކުން ދޭ ހިދުމަތްތަކެއް ދިނުމަށް ގާއިމުކުރެވޭ ގޮތްޕަށެވެ.

(ޏ) "ކެމްޕަސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ މައި މަރުކަޒު ފިޔަވައި އެހެން ތަނެއްގައި އެ މަރުކަޒަކުން ދޭ ހިދުމަތްތަކެއް ދިނުމަށް ގާއިމުކުރެވޭ ގޮތްޕަށެވެ.

(ސ) "ޔުނިވަރސިޓީގެ ޗާޓަރ" ކަމަށް ބުނެފައި އެވަނީ، ޔުނިވަރސިޓީއެއް އުފެއްދުމަށްޓަކައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި ފުރިހަމަވާންޖެހޭކަމަށް ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވުމުން އެ ޔުނިވަރސިޓީ އުފެއްދުމަށް ހުއްދަދިނުމާއެކު، އެ ޔުނިވަރސިޓީގެ ހައްގުތަކާއި އިމްތިޔާޒުތައް ކަނޑައަޅައި، ޔުނިވަރސިޓީގެ ދަރަޖަ ދީފައިވާކަން އަންގައިދިނުމަށް މިނިސްޓްރީން ދޫކުރާ ލިޔުމަށެވެ.

(ޑ) "ދަރިވަރުގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުމާއި، ދަރިވަރުންނަށް މަސައްކަތް ކޮށްދިނުމާއި، ދަރިވަރުންނަށް މަސައްކަތް ކޮށްދިނުމަށް ހުށަހެޅުން" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއްގައި، މި ގާނޫނުގެ ދަށުން އެކްރެޑިޓްކޮށްގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ހިންގާ ޕްރޮގްރާމެއްގައި، އެ ޕްރޮގްރާމެއް ފުރިހަމަކުރުމަށްޓަކައި، ދަރިވަރު އެސެސްކުރެވޭގޮތަށް ދަރިވަރު އަމިއްލައަށް ކުރަންޖެހޭނެކަމަށް ކަނޑައަޅާފައިވާ އެސައިންމަންޓްތަކާއި ދިރާސީ މަސައްކަތްތައް، އެހެން ފަރާތެއް މެދުވެރިކޮށް އަގުދީގެން ނުވަތަ އެނޫން ގޮތަކަށް ފުރިހަމަކޮށް، އެ މަސައްކަތަކީ ދަރިވަރުގެ އަމިއްލަ މަސައްކަތެއްގެ ގޮތުގައި އެ ދަރިވަރަކު ކިޔަވާ މަރުކަޒަކަށް ހުށަހެޅުމަށާއި، އެފަދަ މަސައްކަތެއް އެއްވެސް ފަރާތަކުން ކޮށްދިނުމަށާއި، އެފަދަ މަސައްކަތްތައް ކޮށްދޭކަމަށް އެއްވެސް ގޮތަކަށް އިށްތިހާރުކުރުމަށެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އުސޫލާއި ގައިޑްލައިން

  1. ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު (އުސޫލު ނަންބަރު 2024-09)
  2. ގައިޑްލައިން ފޯރ ޕްރޮގްރާމް އޮޑިޓް (އެހެނިހެން ނަންބަރު 2023-30)
  3. ކީރިތި ގުރްއާނުގެ ޢިލްމުގެ ތައުލީމީ ޕްރޮގްރާމްތަކުގައި ހުންނަންޖެހޭ މިނިމަމް ސްޓޭންޑަޑްތައް (އެހެނިހެން ނަންބަރު 2023-06)
  4. ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު (އުސޫލު ނަންބަރު 2023-06)
  5. މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 2021-07) އިންސްޓިޓިއުށަނަލް އޮޑިޓް ގަވާއިދު (ގަވާއިދު ނަންބަރު 2022-79
  6. ޕްރޮގްރާމް އެކްރެޑިޓޭށަން ގަވާއިދު (ގަވާއިދު ނަންބަރު 2022-77)
  7. އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-75)
  8. ދައުލަތުގެ އިދާރާތަކުން، މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-74)
  9. މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގައި ބޭނުންކުރާ ނަންތައް ކިޔުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-73)
  10. ދިވެހިރާއްޖޭގައި ޔުނިވަރސިޓީ ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-72)
  11. ސަނަދުތަކުގެ ފެންވަރު ބެލުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-71)
  12. މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-70)
  13. ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ޢަމަލުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-69)
  14. މަތީ ތަޢުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-68)
  15. ގައިޑްލައިންސް ފޯރ ޕްރޮގްރާމް އެކްރެޑިޓޭށަން (އުސޫލު ނަންބަރު 2022-39)
  16. މެނުއަލް ފޯރ ކޮންޑަކްޓިންގ އިންސްޓިޓިއުށަނަލް އޯޑިޓް (އެހެނިހެން ނަންބަރު 2022-31)
  17. ގައިޑްލައިން ފޯރ އިންސްޓިޓިއުށަނަލް އޮޑީޓް (އެހެނިހެން ނަންބަރު 2022-30)
  18. ގައިޑްލައިންސް ފޮ އީ-ލާރނިންގ (އެހެނިހެން ނަންބަރު 2022-28)
  19. ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނޭ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2022-27)
  20. ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-81)
  21. މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޓީޗަރ އެޑިއުކޭށަން ޕެނަލްގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 2020-80)
  22. އިންސްޓިޓިއުށަނަލް އޮޑިޓް ގަވާއިދު (ގަވާއިދު ނަންބަރު 2022-79)
  23. ޕްރޮގްރާމް އޮޑިޓް ގަވާއިދު (ގަވާއިދު ނަންބަރު 2022-78)
  24. ޕްރޮގްރާމް އެކްރެޑިޓޭށަން ގަވާއިދު (ގަވާއިދު ނަންބަރު 2022-77)
  25. މަތީ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-76)
  26. ކޮލިފިކޭށާންސް އޮތޯރިޓީގެ ގުރްއާން ޕެނަލުގެ ހިންގާ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-61)
  27. ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-45)
  28. ދަރިވަރުން އެންރޯލްކުރުމާއި ކިޔަވައިދިނުމާ ބެހޭ އުސޫލު (އުސޫލު ނަންބަރު 2022-06)
  29. ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު (އުސޫލު ނަންބަރު 2022-03)
  30. ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-160)
  31. މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-159)
  32. ނޭށަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން ގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-95)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު