-

ހައި އެޗީވަރސް ސްކޮލަރށިޕާބެހޭ އުސޫލު

(އުސޫލު ނަންބަރު 2026-09)

(މި އުސޫލަށް އަމަލުކުރަން ފެށީ 30 މާރިޗު 2026 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި އުސޫލަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ އިމްތިހާނުތަކުން މަތީ ދަރަޖައިގައި ފާސްވެފައިވާ ދަރިވަރުންނަށް، ދިވެހި ސަރުކާރުން ދޭ ހައި އެޗީވަރސް ސްކޮލަރށިޕް ސްކީމާ ގުޅޭ ކަންކަން ބަޔާންކުރުމަށްޓަކައި، ގާނޫނު ނަންބަރު 2021-07 (މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ (ކ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ "ހައި އެޗީވަރސް ސްކޮލަރށިޕާ ބެހޭ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، މަތީ ސާނަވީ ފެންވަރަށް ދަރިވަރުން ކިޔެވުމަށް ބާރުއަޅައި، ދަރިވަރުންގެ ގާބިލިއްޔަތާ އެކަށޭނަ އެންމެ މަތީ އިލްމީ ނަތީޖާ ހޯދުމަށް ހިތްވަރުދިނުމަށްޓަކައި، ހައި އެޗީވަރސް ސްކޮލަރށިޕް ދިނުމުގެ ކަންކަން އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު ކުރިޔަށް ގެންދިއުމަށްޓަކައި އެކަމާ ގުޅޭ އެންމެހައި އިޖުރާތުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ސްކޮލަރށިޕްގެ ށަރުތު

މި އުސޫލުގެ ދަށުން ސްކޮލަރށިޕް ފުރުސަތު ދޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ދަރިވަރުންނަށެވެ.

(ހ) މަތީ ސާނަވީ އިމްތިހާނުތަކުން މަތީ ދަރަޖައިގައި ފާސްވެފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭށަނުން ކަނޑައަޅާ، އަންނަނިވި 2 (ދޭއް) ނަތީޖާއިން ކުރެ ނަތީޖާއެއް ހޯދައިފައިވާ ދަރިވަރަކަށް ވުން.

  1. މަތީ ސާނަވީ އިމްތިހާނުގައި އެ ދަރިވަރު ބައިވެރިވި އޭ ލެވެލްގެ ނުވަތަ އެޔާ އެއް ފެންވަރުގެ "އިމްތިހާނެއްގެ 3 (ތިނެއް) މާއްދާއިންނާއި އެޗްއެސްސީގެ "ދިވެހި" "އިސްލާމް" މި 2 (ދޭއް) މާއްދާއާ އެކު، ޖުމުލަ 5 (ފަހެއް) މާއްދާގެ ތެރެއިން މަދުވެގެން 1 (އެކެއް) މާއްދާއިން "ސްޓާރ" ގުރޭޑު ލިބިފައިވުމާ އެކު، އަނެއް 4 (ހަތަރެއް) މާއްދާއިން ދަށްވެގެން "އޭ" ގުރޭޑު ލިބިފައިވުން ނުވަތަ
  2. ށަހާދާ ޘާނަވިއްޔާ އިމްތިހާނުގެ އެ ދަރިވަރަކު، (ކިޔެވި ސްޓްރީމް) ގައި ކިޔަވަންޖެހޭކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭށަނުން ކަނޑައޅައިފައިވާ ހުރިހައި މާއްދާތަކާއި އެޗްއެސްސީގެ "ދިވެހި" މާއްދާ ވެސް، ހިމަނައިގެން މި ހުރިހާ މާއްދާތަކުގެ ތެރެއިން، މަދުވެގެން 1 (އެކެއް) "މާއްދާ"އިން "ސްޓާރ" ގުރޭޑު ލިބިފައިވުމާއެކު، ދެންހުރި މާއްދާތަކުން ދަށްވެގެން "އޭ" ގުރޭޑު ލިބިފައިވުން

(ށ) ރާއްޖޭގެ މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލެއްގެ ގުރޭޑު 12 ފުރިހަމަކޮށްފައިވާ ދަރިވަރަކަށް ވުން

(ނ) ދިވެހި ރައްޔިތެއް ކަމުގައިވުން

(ރ) އޯލެވެލް ނުވަތަ އޯލެވެލްއާ އެއްފެންވަރުގެ ނުވަތަ އެޔަށް ވުރެ މަތީ ފެންވަރުގެ، އިނގިރޭސިބަހުގެ އިމްތިހާނަކުން ދަށްވެގެން "ސީ" ގުރޭޑު ލިބިފައިވާ ދަރިވަރަކަށް ވުން

(ހ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 2025 ވަނަ އަހަރު ދިވެހިރާއްޖޭގެ ސްކޫލް މަދަރުސާތަކުން ގުރޭޑު 12 ނިންމައި މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވެ ސްކޮލަރށިޕް ހާސިލުކުރާ ދަރިވަރުންގެ ނަތީޖާގެ ށަރުތުގެ ގޮތުގައި ބަލާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުގެ ބަދަލުގައި އަންނަނިވި ށަރުތެވެ.

މަތީ ސާނަވީ އިމްތިހާނުގައި އެ ދަރިވަރު ބައިވެރިވި އޭލެވެލްގެ ނުވަތަ އޭލެވެލްއާ އެއްފެންވަރުގެ އިމްތިހާނެއްގެ 3 (ތިނެއް) މާއްދާއިންނާއި، އެޗްއެސްސީގެ "ދިވެހި" "އިސްލާމް" މި 2 (ދޭއް) މާއްދާއާއެކު، ޖުމުލަ 5 (ފަހެއް) މާއްދާއިން ދަށްވެގެން "އޭ" ގުރޭޑު ލިބިފައިވުން

ނުވަތަ،

ށަހާދާ ޘާނަވިއްޔާ އިމްތިހާނުގެ އެ ދަރިވަރަކު، ކިޔެވި ސްޓްރީމް (ގިސްމު) ގައި ކިޔަވަންޖެހޭކަމަށް މިނިސްޓްރީ އޮފް އެޑިއުކޭށަނުން ކަނޑައަޅައިފައިވާ ހުރިހައި މާއްދާތަކާއި، އެޗްއެސްސީގެ "ދިވެހި" މާއްދާ ވެސް، ހިމަނައިގެން މި ހުރިހާ މާއްދާތަކުން ދަށްވެގެން "އޭ" ގުރޭޑު ލިބިފައިވުން

 

4 ވަނަ މާއްދާ - ސްކޮލަރށިޕްގެ ދަށުން ކިޔެވޭނެ ލެވެލްއާއި މުއްދަތު

(ހ) ސްކޮލަރށިޕްގެ ދަށުން ފުރުސަތު ލިބޭނީ ތިރީގައި ބަޔާންކޮށްފައިވާ ޕްރޮގްރާމުތަކުގެ ތެރެއިން ޕްރޮގްރާމެއް ފުލްޓައިމްކޮށް ކިޔެވުމަށެވެ.

  1. 3 (ތިނެއް) އަހަރުދުވަހުގެ ނުވަތަ 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ފުރިހަމަކުރާ ބެޗިލަރސް ޑިގްރީ ނުވަތަ ބެޗިލަރސް ޑިގްރީ ވިތު އޮނަރސް ޕްރޮގްރާމުތައް ނުވަތަ
  2. ގިނަވެގެން 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، ފުރިހަމަކުރާ ބެޗިލަރސް ފެންވަރުގެ ޑަބަލް ޑިގްރީގެ ޕްރޮގުރާމުތައް، ނުވަތަ
  3. 3 (ތިނެއް) އަހަރުދުވަހުގެ ޑިގްރީއަކާއެކު އިތުރު 1 (އެކެއް) އަހަރުދުވަހުން ފުރިހަމަކުރާ ބެޗިލަރސް ވިތު އޮނަރސް ޕްރޮގުރާމުތައް ނުވަތަ
  4. ކިޔެވުމާއި އިންޓަރންށިޕް ހިމެނޭ ގޮތަށް ގިނަވެގެން 6 (ހައެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ފުރިހަމަކުރާ، މެޑިސިން ނުވަތަ ޑެންޓިސްޓްރީގެ ބެޗިލަރސް ޑިގްރީ ޕްރޮގުރާމުތައް ނުވަތަ
  5. 3 (ތިނެއް) އަހަރުދުވަހުގެ ނުވަތަ 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ބެޗިލަރސް ޑިގްރީއަކާއެކު ފުރިހަމަކުރާ ޕްރޮފެށަނަލް ލައިސަންސް ޕްރޮގުރާމުތައް.

(ށ) މި އުސޫލަށް އަމަލުކުރަން ފަށާއިރު، 2025 ވަނަ އަހަރު، ދިވެހިރާއްޖޭގެ ސްކޫލް ދަރުސާތަކުން ގުރޭޑު 12 ނިންމައިފައިވާ ދަރިވަރުންގެ ތެރެއިން މަތާނަވީ އިމްތިހާނުގައި ބައިވެރިވެ ސްކޮލަރށިޕް ހާސިލުކުރާ ދަރިވަރުންނަށް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޕްރޮގުރާމުތަކުގެ އިތުރަށް، ފުރަތަމަ ޑިގްރީގެ ބައިތައް ހިމެނޭ ގޮތަށް (ހަތަރެއް) 4 އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ސީދާ މާސްޓަރސް ޑިގްރީއެއް ލިބޭގޮތަށް ފުރިހަމަކުރާ ޕްރޮގުރާމުތައް ކިޔެވުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

(ނ) މި މާއްދާގެ ގައި ބަޔާންކޮށްފައިވާ ޕްރޮގުރާމުތަކުގައި ކިޔަވާ ދަރިވަރުންގެ ކޯހުގެ ބައެއްގެ ގޮތުގައި ކޮންމެހެން ފުރިހަމަކުރަންޖެހޭ ކަމަށް ކަނޑައަޅައިފައިވާ ޖުމުލަ 1 (އެކެއް) އަހަރުދުވަހަށް ވުރެ ދިގުނޫން، އިންޓަރންށިޕް ޕްރޮގުރާމުތަކަށް ސްކޮލަރށިޕްގެ ދަށުން ފުރުސަތު ދެވޭނެއެވެ.

(ރ) މި މާއްދާގެ (3) ގެ ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން 3 (ތިނެއް) އަހަރުދުވަހުގެ ޑިގްރީއަކާއެކު އިތުރު 1 (އެކެއް) އަހަރުދުވަހުން ބެޗިލަރސް ވިތު އޮނަރސް ޕްރޮގުރާމު ފުރިހަމަކުރަން ހުށަހަޅާ ނަމަ، ސްކޮލަރށިޕަށް އެޕްލިކޭށަން ހުށަހަޅާއިރު، ފުރަތަމަ ކިޔަވަން ފަށާ ޑިގްރީގެ އިތުރުން ކިޔަވަން ގަސްތުކުރާ އޮނަރސް ޑިގްރީގެ ތަފުސީލް ވެސް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (4) ގެ ވަނަ ނަންބަރާއި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިންޓަރންށިޕެއްގައި ބައިވެރިވާ ދަރިވަރުން، އެ ކޯހުގެ ބައެއްގެ ގޮތުގައި ނުވަތަ ކޯހުގެ ސަނަދު ހާސިލުކުރުމަށް އިންޓަރންށިޕް ފުރިހަމަކުރަންޖެހޭކަމުގެ ތަފުސީލު، އިންޓަރންށިޕް ފުރިހަމަކުރަން ފެށުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅައި އެކަމުގެ ހުއްދަ ހޯދަންވާނެއެވެ. މި އުސޫލުގެ 7 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ހަރަދުތަކަށް ސްކޮލަރށިޕްގެ 

ދަށުން ފައިސާ ދޫކުރާނ، އިންޓަރންށިޕް ފުރިހަމަކުރަންޖެހޭކަމުގެ ތަފުސީލު، އިންޓަރންށިޕް ފުރިހަމަކުރަން ފެށުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅައި، ހުއްދަ ހޯދާ ދަރިވަރުންނަށެވެ.

 

5 ވަނަ މާއްދާ - ކިޔަވަން ދެވޭނެ ގައުމާއި މަރުކަޒު

(ހ) ސްކޮލަރށިޕްގެ ދަށުން، ކިޔެވުމުގެ ފުރުސަތު ދެވޭނީ، ދިވެހިރާއްޖޭގައި ހުރެގެން، ކިޔެވުމަށާއި ރާއްޖެއާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކުގެ ތެރެއިން، ދަރިވަރުން ކިޔަވަން ތިބުމަށް ރައްކައުތެރިކަމަށް ކަނޑައެޅިފައިވާ ގައުމުތަކުގައި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ މަތީ ތައުލީމާއި، ތަމްރީނުދޭ މަރުކަޒުތަކުގައި ކިޔެވުމަށެވެ.

(ށ) ދެ މަރުކަޒެއް ގުޅިގެން އެއްގައުމަށް ވުރެ ގިނަ ގައުމުގައި ކިޔަވާގޮތަށް ހަމަޖެހިފައިވާ "ޓްވިނިންގ" ޕްރޮގުރާމުތަކުގައި، ކިޔެވުމަށް ދަރިވަރުންނަށް، ފުރުސަތު ދެވިދާނެއެވެ.

(ނ) މި އުސޫލުގެ 14 ވަނަ މާއްދާގެ (4) ގެ ވަނަ ނަންބަރާއި 4 ވަނަ މާއްދާގެ ގައި ބަޔާންކޮށްފައިވާ އިންޓަރންށިޕް، ދަރިވަރުގެ ޕްރޮގުރާމު، ފުރިހަމަކުރި ގައުމުގައި ކުރިޔަށްގެންދެވެން ނެތް ހާލަތެއްގައި ނުވަތަ އެ ގައުމަށް ވުރެ ހަރަދުކުޑަކޮށް، އެހެން ގައުމެއްގައި އިންޓަރންށިޕް ހެދެން އޮތް ނަމަ މިނިސްޓްރީގެ ހުއްދަޔާއެކު، ދިވެހިރާއްޖޭގައި، ނުވަތަ ދެވަނަ އެހެން ގައުމެއްގައި، އިންޓަރންށިޕް ފުރިހަމަކުރުމުގެ ފުރުސަތު، ދެވިދާނެއެވެ.

 

6 ވަނަ މާއްދާ - ކިޔަވާނެ ދާއިރާ

މި އުސޫލުގެ ދަށުން ސްކޮލަރށިޕްގެ ފުރުސަތު ދެވޭނީ، އެ ވަގުތަށް، މިނިސްޓްރީން ށާއިއުކޮށް އާންމުކޮށްފައިވާ ރާއްޖޭގެ ޓްރެއިނިންގ ނީޑްސް ރިކުއަޔަރމަންޓް ލިސްޓުގައި ހިމެނިފައިވާ ދާއިރާތަކުން، ކިޔެވުމަށެވެ.

 

7 ވަނަ މާއްދާ - ސްކޮލަރށިޕްގެ ދަށުން ދެވޭ ހަރަދުތައް

ސްކޮލަރށިޕްގެ ދަށުން ފައިސާ ދިނުމަށް، ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ހަރަދުތައް ކުރުމަށެވެ.

 

(ހ) ދަތުރުގެ ހަރަދު

ދަރިވަރުގެ ދިރިއުޅުން އާންމުކޮށް ހަމަޖެހިފައިވާ ރަށް ނޫން އެހެން، ރަށެއްގައި ހުރި މަރުކަޒަކަށް ކިޔަވަންދާ ނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދަތުރުގެ ހަރަދު ހަމަޖައްސައިދެވޭނެއެވެ.

  1. ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ކިޔަވާ ނަމަ، އެ މަރުކަޒު ހުރީ، ދަރިވަރު ދިރިއުޅޭ ރަށް ނޫން އެހެން، ރަށެއްގައިކަމަށް ވާ ނަމަ، އެ މަރުކަޒު ހުރި ރަށަށް ކިޔެވުން ފަށަން ދިއުމާއި، ކޯސް ނިމުމުން އަނބުރާ އައުމަށް، އެންމެ، އަގުހެޔޮ ރޫޓަކުން، ވައިގެ މަގުން ނުވަތަ ކަނޑުމަގުން ކުރާ ދަތުރުގެ ޓިކެޓުގެ ހަރަދު؛
  2. ދިވެހިރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒަކުން ކިޔަވާ ނަމަ، ކޮންމެ ދިރާސީ އަހަރެއް ނިމުމުން އަހަރީ ޗުއްޓީގައި ދަރިވަރު ދިރިއުޅޭ ރަށަށް ދިއުމާއި އެނބުރި އައުމަށް، އެންމެ އަގުހެޔޮ ރޫޓަކުން، ވައިގެ މަގުން ނުވަތަ ކަނޑުމަގުން ކުރާ ދަތުރުގެ ޓިކެޓުގެ ހަރަދު؛
  3. ދިވެހިރާއްޖެއިން ބޭރަށް ކިޔަވަން ދާ ނަމަ، މާލެއިން ނުވަތަ އެ ދަރިވަރަކު ދިރިއުޅެމުންދާ ރަށުން އެ ދަރިވަރު ކިޔަވާ މަރުކަޒު ހުރި ގައުމަށް، ކިޔެވުން ފަށަން ދިއުމާއި، ކޯސް ނިމުމުން ނުވަތަ އިންޓަރންށިޕް ނިމުމުން އަނބުރާ އައުމަށް ވައިގެ މަގުން، އިކޮނޮމީ ކްލާހުން އެންމެ، އަގުހެޔޮ އަދި ކުރު ރޫޓަކުން ކުރާ ދަތުރުގެ ޓިކެޓުގެ ހަރަދު؛

  4.  

    ޓްވިނިންގ ޕްރޮގްރާމެއް ފުރިހަމަކުރާ ދަރިވަރުން: އެ ދަރިވަރު ފުރަތަމަ ކިޔަވަން ފަށާ ގައުމުން، ދެވަނައަށް ކިޔަވަންދާ ގައުމަށް، ވައިގެ މަގުން، އިކޮނޮމީ ކްލާހުން، އެންމެ އަގުހެޔޮ އަދި ކުރު ރޫޓަކުން ކުރާ ދަތުރުގެ އެއްކޮޅު ޓިކެޓުގެ ހަރަދު؛

  5. އިންޓަރންށިޕް ފުރިހަމަކުރާ ދަރިވަރުން - އިންޓަރންށިޕް ފުރިހަމަކުރަނީ ކިޔެވި ގައުމު ނޫން އެހެން ގައުމެއްގައި ނަމަ، ކިޔެވި ގައުމުން އިންޓަރންށިޕް ފުރިހަމަކުރުމަށް ދާ ގައުމަށް، ވައިގެ މަގުން، އިކޮނޮމީ ކްލާހުން، އެންމެ އަގުހެޔޮ އަދި ކުރު ރޫޓަކުން ކުރާ ދަތުރުގެ އެއްކޮޅު ޓިކެޓުގެ ހަރަދު؛

 

(ށ) ކޯސް ރެޖިސްޓްރޭށަން ފީ

މިއީ ދަރިވަރު ހަދާ ކޯހުގައި ބައިވެރިވުމަށް ކިޔަވާ މަރުކަޒަށް ރެޖިސްޓްރޭށަން ފީގެ ގޮތުގައި ނުވަތަ އެޑްމިށަން ފީގެ ގޮތުގައި ކޯހަށް ވަންނައިރު ދައްކަންޖެހޭ ފީއެވެ. މި އުސޫލުގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ސްކޮލަރށިޕްގެ ދަށުން 2 (ދޭއް) ކޯހެއް ހަދާ ދަރިވަރުންނަށް އެއިން ކޮންމެ ކޯހަކަށް ވެސް ކޯސް ރަޖިސްޓްރޭށަން ފީގެ ހަރަދު ދެވޭނެއެވެ.

 

(ނ) ޓިއުށަން ފީ

މިއީ، ދަރިވަރު އިހްތިޔާރުކުރާ ދާއިރާއަށް ބަލައި މި އެންމެ ގިނަވެގެން ފައިސާ ދޫކުރެވޭނެ މިންވަރުކަމަށް މިނިސްޓްރީން ކަނޑައަޅައި، އާންމުކޮށްފައިވާ މިންގަނޑުގެ ތެރެއިން ދަރިވަރު ކިޔަވާ ކޯހުގެ އެކަޑަމިކް ފީގެ ހަރަދެވެ. މި ފީގެ ތެރޭގައި ކިޔެވުމާ ސީދާ ނުގުޅޭ ކަންކަމުގައި މަރުކަޒުގެ ފަރާތުން ދެވޭ ހިދުމަތްތަކަށް ނަގާ ފީގެ ހަރަދެއް ނުހިމެނޭނެއެވެ.

  1. ޓިއުށަންފީގެ ފައިސާ ދައްކާނީ، ދަރިވަރު ކިޔަވާ، މަރުކަޒުން ކޮންމެ ދިރާސީ އަހަރަކަށް ޖެހޭ ފީގެ އިންވޮއިސް، މިނިސްޓްރީއަށް ލިބުމުން، އެ އިންވޮއިސްގައިވާ ގޮތުގެ މަތީންނެވެ؛ ނަމަވެސް ދަރިވަރު ކިޔަވާ މަރުކަޒުން ޓިއުށަންފީއަށް އިންވޮއިސްކުރަނީ ކޮންމެ ސެމިސްޓަރއަކަށް ވަކިން ކަމުގައިވާ ނަމަ، އެ ގޮތުގެ މަތީން ވެސް އެ ފައިސާ ދެއްކުމުގެ ކަންތައް ހަމަޖައްސައިދެވޭނެއެވެ؛
  2. ކިޔަވާ މަރުކަޒުގެ ފަރާތުން ޓިއުށަންފީ އިންވޮއިސްކުރިކަމާއި، މަރުކަޒަށް ޓިއުށަންފީ ލިބިފައިވާކަން ދަރިވަރު ބަލައި އެކަމުގެ މައުލޫމާތު މިނިސްޓްރީއަށް ގަވާއިދުން އަންގަމުން ގެންދަންވާނެއެވެ؛
  3. ޓިއުށަންފީގެ އަދަދު ކަނޑައަޅައިފައިވާ މިންވަރަށް ވުރެ އިތުރުވާ ޕްރޮގްރާމެއްގައި ކިޔެވުމުގެ ހުއްދަ ދަރިވަރަށް ދެވޭނީ، އިތުރުވާ ފައިސާ މަރުކަޒަށް ދެއްކުމަށް ދަރިވަރު ޒިންމާވާކަމަށް އިގްރާރުގައި ސޮއިކުރުމާއެކު، މި ފައިސާ ދެއްކޭނެ ގާބިލުކަން ހުރިކަން އަންގައިދޭ ލިޔެކިޔުން ހުށަހެޅުމުންނެވެ؛
  4. މި މާއްދާގެ (ނ) ގައި ދަރިވަރު އިހްތިޔާރުކުރާ ދާއިރާއަށް ބަލައި ޓިއުށަންފީގެ ގޮތުގައި އެންމެ ގިނަވެގެން ފައިސާ ދޫކުރެވޭނެ މިންވަރު ބަޔާންކޮށްފައި އޮތް ނަމަވެސް، 2025 ވަނަ އަހަރު ދިވެހިރާއްޖޭގެ ސްކޫލް މަދަރުސާތަކުން ގްރޭޑު 12 ނިންމައި، މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވެ ސްކޮލަރށިޕް ހާސިލުކުރާ ދަރިވަރުންނަށް، ދަރިވަރު ކިޔަވާ ކޯހުގެ އެކަޑަމިކް ފީގެ ގޮތުގައި އެ ކޯހަކަށް ކިޔަވާ މަރުކަޒުން ކަނޑައަޅައިފައިވާ ޖުމުލަ ފީ ހަމަޖައްސައިދެވޭނެއެވެ.

 

(ރ) ސްޓޫޑެންޓް ވިސާ ފީގެ ހަރަދު؛

މިއީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، އެ ދަރިވަރު ކިޔަވަންދާ ގައުމުގައި މަޑުކުރަންޖެހޭ މުއްދަތަށް ނަގަންޖެހޭ ވިސާގެ އެޕްލިކޭށަން ޕްރޮސެސިންގ އާއި ވިސާ ދޫކުރުމަށް ނަގާ ފީއަށް ދެވޭ ހަރަދެވެ. ޓްވިނިންގ ޕްރޮގްރާމެއްގެ ދަށުން ދެ ގައުމެއްގައި ކިޔެވުން ކުރިޔަށްގެންދާ ދަރިވަރުންނަށް، އެ ދެ ގައުމުގެ ވިސާ ފީގެ ހަރަދު ވެސް ދޫކުރެވޭނެއެވެ.

 

(ބ) ހެލްތު އިންށުއަރެންސް؛

މިއީ ބޭރު ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް، އެ ގައުމުތަކުގައި ތިބޭއިރު ހޯދަންޖެހިދާނެ ސިއްހީ ފަރުވާއަކަށް، އެ ދަރިވަރަކު ކިޔަވާ މަރުކަޒަކުން ނުވަތަ ވިސާގެ ށަރުތެއްގެ ގޮތުން، އެ ގައުމެއްގެ ސަރުކާރަކުން ކަނޑައަޅައިފައިވާ ކަވަރޭޖެއް ލިބޭ ގޮތަށް، ކިޔަވަން އެ ގައުމެއްގައި ހުންނަ މުއްދަތަށް ކޮންމެހެން ނަގަންޖެހޭ ހެލްތު އިންށުއަރެންސްގެ ހަރަދެވެ.

މި އިންށުއަރެންސްގެ ކަވަރޭޖުގެ ތެރޭގައި ހިމެނޭ ކަންކަމުގެ އިތުރުން، ދަރިވަރުގެ ސިއްހީ ފަރުވާއަކަށް އުސޫލުގެ ދަށުން ފައިސާގެ އިތުރު އެހީއެއް ނުދެވޭނެއެވެ.

 

(ޅ) އެސްޓަބްލިށްމަންޓް އެލަވަންސް؛

މިއީ، ދަރިވަރު ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ކިޔަވަން ދާއިރު، އެ ރަށުގައި ކިޔެވުމަށްޓަކައި ގާއިމުވުމަށް ކުރާ ހަރަދަށް ދޭ ކަނޑައެޅިފައިވާ ރޭޓަކުން 1 (އެކެއް) ފަހަރު ދެވޭ ފައިސާއެވެ. އެކި ގައުމުތަކަށް ފައިސާ ދިނުމަށް ހަމަޖެހިފައިވާ ރޭޓުތަކުގެ ތަފްސީލު، މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ޓްވިނިންގ ޕްރޮގުރާމު ފުރިހަމަކުރާ ދަރިވަރުންނަށް ވެސް އެސްޓަބްލިށްމަންޓް އެލަވަންސް ދޫކުރެވޭނީ 1 (އެކެއް) ފަހަރު، އެ ދަރިވަރު ކިޔަވަން ހަމަޖެހިފައިވާ ދެ ގައުމުގެ ތެރެއިން ދަރިވަރު އިހްތިޔާރުކުރާ ގައުމެއްގެ ރޭޓުންނެވެ.

 

(ޅ) ސްޓައިޕެންޑް؛

  1. މިއީ، ކޮންމެ މަހަކަށް ކަނޑައެޅިފައިވާ ރޭޓަކުން ދަރިވަރު ކިޔަވާ ގައުމުގައި ހުރުމާއި، ކެއުމާއި، އެހެނިހެން އަސާސީ ހަރަދުތަކަށް ދެވޭ ފައިސާއެކެވެ. އެކި ގައުމުތަކަށް ސްޓައިޕެންޑުގެ ގޮތުގައި ފައިސާ ދިނުމަށް ހަމަޖެހިފައިވާ ރޭޓްތަކުގެ ތަފްސީލް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  2. މި ސްކީމުގެ ދަށުން ދޭ ސްކޮލަރށިޕްގެ ދަށުން ދިވެހިރާއްޖޭގެ މަރުކަޒުތަކުގައި ކިޔެވުން ކުރިޔަށްގެންދާ ދަރިވަރުންނަށް، ދިވެހިރާއްޖެއަށް އާންމުކޮށް ކަނޑައަޅައިފައިވާ ސްޓައިޕެންޑް ރޭޓުގެ އިތުރުން ކޮންމެ މަހަކަށް 6,000/- (ހަ ހާސް) ރުފިޔާގެ ހާއްސަ އެލަވަންސެއް ދެވޭނެއެވެ؛
  3. ސްޓައިޕެންޑުގެ ފައިސާ ހަމަޖައްސައިދޭނީ، ދަރިވަރު ކޯހުގެ ކިޔެވުން ފަށާ ދުވަހުގެ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ކުރިން ފެށިގެން، އެ ދަރިވަރު ކޯސް ފުރިހަމަކުރަން މަރުކަޒަށް ހާޒިރުވާންޖެހޭ އެންމެ ފަހު ދުވަހުން ފެށިގެން ގިނަވެގެން 10 (ދިހައެއް) ދުވަހާ ހަމަޔަށެވެ؛
  4. ޓްވިނިންގ ޕްރޮގުރާމެއް ފުރިހަމަކުރާ ދަރިވަރުން، އެ ދަރިވަރު ފުރަތަމަ ކިޔަވަން ފަށާ ގައުމުން ކިޔެވުން ނިމި، ދެވަނައަށް ކިޔަވަންދާ ގައުމުގައި ކިޔެވުން ފެށުމާ ދޭތެރޭ އޮންނަ މުއްދަތުގައި ސްޓައިޕެންޑުގެ ފައިސާ ހަމަޖައްސައިދެވޭނީ ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށެވެ؛
  5. އިންޓަރންށިޕް ފުރިހަމަކުރާ ދަރިވަރުން ކިޔަވައި ނިމުމަށްފަހު އިންޓަރންށިޕް ފެށުމާ ދޭތެރޭ އޮންނަ މުއްދަތުގައި ސްޓައިޕެންޑުގެ ފައިސާ ހަމަޖައްސައިދެވޭނީ، ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށެވެ.
  6. ސްޓައިޕެންޑުގެ ފައިސާ ދަރިވަރަށް އާންމުކޮށް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ 6 (ހައެއް) މަހަކުން 6 (ހައެއް) މަހަކުންނެވެ. ނަމަވެސް، ދަރިވަރެއްގެ އެކަމަޑޭށަނަށްވާ ފައިސާ އެޑްވާންސްކޮށް 6 (ހައެއް) މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް އެއްފަހަރާ ދައްކަންޖެހޭ ހާލަތުގައި 6 (ހައެއް) މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ސްޓައިޕެންޑަށްވާ ފައިސާ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ދޫކުރެވިދާނެއެވެ.

 

(ޅ) ބުކް އެލަވަންސް:

މިއީ ދަރިވަރުން ކިޔެވުން ކުރިޔަށްގެންދާއިރު ކިޔެވުމަށް ހޯދަންޖެހޭ ޓެކްސްޓް ފޮތާއި އެފަދަ ވަސީލަތްތަކަށް ކުރަންޖެހޭ ހަރަދަށް ކަނޑައެޅިފައިވާ ވަކި ރޭޓަކުން ކޮންމެ ދިރާސީ އަހަރަކަށް 1 (އެކެއް) ފަހަރު ދެވޭ ފައިސާއެވެ. އެކި ގައުމުތަކަށް ފައިސާ ދިނުމަށް ހަމަޖެހިފައިވާ ރޭޓުތަކުގެ ތަފުސީލު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

(ވ) އިންޓަރންށިޕްގެ ހަރަދު:

މިއީ މި އުސޫލުގެ ވަނަ މާއްދާގެ (ހ)ގެ (4) ވަނަ ނަންބަރާއި މާއްދާގެ (ކ)ގައި ބަޔާންކޮށްފައިވާ އިންޓަރންށިޕް ފުރިހަމަކުރުމަށް ހަރަދެއް ހިނގާ ނަމަ، އެކަމަށް ދެވޭ ހަރަދެވެ.

އިންޓަރންށިޕް ފުރިހަމަކުރަން ހުއްދަ ދެވިފައިވާ ކޯސްތަކުގެ އިންޓަރންށިޕްގެ މުއްދަތުގައި ފައިސާ ދިނުމާމެދު ނުވަތަ ދެވޭނެ އަދަދާމެދު ގޮތެއް ނިންމާނީ ތިރީގައިވާ ހާލަތުތަކަށް ބަލައި މިނިސްޓްރީންނެވެ.

  1. ކޯސް ފުރިހަމަކޮށް ސަނަދު ހޯދުމަށް ޓަކައި ހަދަންޖެހޭ އިންޓަރންށިޕްގައި ބައިވެރިވުމަށް ފީއަކާ ނުލައި އިންޓަރންށިޕް ފުރިހަމަކުރެވެން ނެތް ހާލަތުގައި އެ ފީ؛
  2. އިންޓަރންށިޕްގައި ބައިވެރިވާ މުއައްސަސާއަކުން ނުވަތަ އެ ނޫންވެސް ގޮތަކުން ދަރިވަރަށް އުޖޫރައެއް ނުވަތަ އެލަވަންސެއް ނުލިބޭ ނަމަ، އެ މުއްދަތުގައި އިންޓަރންށިޕް ހަދާ ގައުމަކަށް ކަނޑައެޅިފައިވާ ސްޓައިޕެންޑް ރޭޓުން އިންޓަރންށިޕް ހަރަދެއްގެ ގޮތުގައި ދެވޭ ލިވިންގ އެލަވަންސް؛
  3. އިންޓަރންށިޕުގައި ބައިވެރިވާ މުއައްސަސާއަކުން ނުވަތަ އެ ނޫންވެސް ގޮތަކުން، ދަރިވަރަށް ލިބޭ އުޖޫރަ ނުވަތަ އެލަވަންސް، އެ ގައުމަށް ކަނޑައަޅައިފައިވާ ސްޓައިޕެންޑް ރޭޓަށް ވުރެ މަދު ނަމަ، އެ މަދުވާ މިންވަރު.

 

(މ) ޑިޕާޗަރ އެލަވަންސް؛

ދަރިވަރ ކޯސް ފުރިހަމަކުރުމަށްފަހު އޭނާ ދިރިއުޅޭ ރަށަށް އެނބުރި އައުމުގެ ކުރިން ކުރަންޖެހޭ ހަރަދަށް، ކަނޑައެޅިފައިވާ ރޭޓަކުން 1 (އެކެއް) ފަހަރު ދެވޭ ފައިސާއެވެ. އެކި ގައުމުތަކަށް ފައިސާ ދިނުމަށް ހަމަޖެހިފައިވާ ރޭޓުތަކުގެ ތަފްސީލް، މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

(ފ) އިންކްލޫސިވިޓީ އެލަވަންސް؛

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތެއްގެ ހުންނަ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް ޕްރޮގުރާމު ފުރިހަމަކުރުމަށް، އިތުރު އެހީތެރިކަމެއް ބޭނުންވާ ހާލަތުތަކުގައި، އެކަމަށް މިނިސްޓްރީން ކަނޑައަޅާ ހަރަދު.

(ދ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޓިއުށަން ފީއާއި، މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ އިންޓަރންށިޕުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފީ، މިނިސްޓްރީން ދައްކައިދޭނީ ކިޔަވާ މަރުކަޒުން ނުވަތަ އިންޓަރންށިޕް ހަދާ އިންސްޓިޓިއުޓަކުން ހުށަހަޅާ އިންވޮއިސްއެއްގެ މައްޗަށް ބިނާކޮށް ސީދާ އެ ތަނަކަށެވެ. މި މާއްދާގެ (ނ) އާއި (ވ) ގެ ދަށުން ބަޔާންކޮށްފައިވާ ހަރަދުތައް ފިޔަވައި، އިތުރު ހުރިހައި ހަރަދުތަކަށް ދެވޭ ފައިސާ ޖަމާކުރެވޭނީ އެ ދަރިވަރެއްގެ އަމިއްލަ ނަމުގައި ހުޅުވައިފައިވާ ބެންކު އެކައުންޓަށެވެ. މި ފައިސާއަށް އެދި ހުށަހަޅާނީ، ޕްރޮގުރާމް ފެށުމުގެ މަދުވެގެން 8 (އަށެއް) ހަފުތާގެ ކުރިން، މިނިސްޓްރީއަށެވެ. މި ފައިސާ ހޯދުމަށް ހުށަހަޅާއިރު ކިޔަވަން ބޭނުންވާ ކޯހުން ޕްލޭސްމަންޓް ލިބިފައިވާކަމުގެ ލިއުމާއި، ވިސާގެ ހަރަދު އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - ސްކޮލަރށިޕްގައި ނުހިމެނޭ ހަރަދުތައް 

މި ސްކީމުގެ ދަށުން ދޭ ސްކޮލަރށިޕްގެ ދަށުން، ތިރީގައި ބަޔާންކޮށްފައިވާ ހަރަދުތައް ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.

(ހ) ކޯހުގެ ޕްލޭސްމަންޓް ހޯދުމަށް ޓަކައި ޕްރި-ރިކުއިސިޓް ކޯހެއް ނުވަތަ ފައުންޑޭށަން ކޯހެއް ނުވަތަ ކޯސް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މޮޑިއުލެއްގައި ބައިވެރިވުމުގެ ހަރަދު.

(ށ) ކޯހުގައި ބައިވެރިވުމަށް ނުވަތަ ވިސާއެއް ހޯދުމަށް، ކޯސް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިމްތިހާނެއްގައި ނުވަތަ އިންޓަވިއުއެއްގައި ބައިވެރިވުމަށް ކުރަންޖެހޭ ހަރަދު.

(ނ) ސްކޮލަރށިޕްގައި ދާން ބޭނުންވާ ގައުމުގެ ވިސާ ނެގުމަށް، ކުރަންޖެހޭ ދަތުރާއި އެ ދަތުރާ ގުޅިގެން ކުރަންޖެހޭ އެންމެހައި ހަރަދު.

(ރ) ހެލްތު އިންށުއަރެންސުގެ ކަވަރޭޖުގެ ތެރޭގައި ހިމެނޭ ކަންކަމުގެ އިތުރުން، ދަރިވަރުގެ ސިއްހީ ފަރުވާއަކަށް ހިނގާ ހަރަދު.

 

9 ވަނަ މާއްދާ - ސްކޮލަރށިޕްގެ ދަށުން ހަމަޖެހޭ ފައިސާ އުނިކުރެވޭނެ ހާލަތުތައް

(ހ) ސްކޮލަރށިޕްގެ ދަށުން ހަމަޖެހޭ ފައިސާ އުނިކުރެވޭނީ އުސޫލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދުތަކުގެ ތެރެއިން ހަރަދެއް ހަމަޖެއްސުމަށް އެހެން ފަރާތަކުން ފައިސާގެ އެހީއެއް ދަރިވަރަށް ލިބިއްޖެނަމައެވެ. އެފަދަ ފައިސާގެ އެހީއެއް ލިބިއްޖެ ނަމަ، އެހީ ހަމަޖެހުނު ތާރީހުން ފެށިގެން މަދުވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އެކަން ލިޔުމުން އަންގަންވާނެއެވެ. އެކަން އަންގާނީ ދަރިވަރެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ފަރާތަކުން ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ އެހެން އެއްވެސް ސްކީމަކުން ނުވަތަ ބައިލޭޓަރަލް ސްކީމަކުން ނުވަތަ ފައުންޑޭށަނަކުން ނުވަތަ މަތީ ތައުލީމުދޭ މުއައްސަސާއަކުން ދަރިވަރަކަށް ލިބޭ ފުލް ސްކޮލަރށިޕަށް ނުވަތަ ޕާށަލް ސްކޮލަރށިޕަށެވެ. ނަމަވެސް ބެލެނިވެރިއެއްގެ ފަރާތުން ނުވަތަ ހެޔޮއެދޭ ފަރާތަކުން ދަރިވަރަކަށް ދޭ ފައިސާގެ އިނާމެއް، މި މާއްދާގެ ދަށުން ބަޔާންކޮށްފައިވާ އެހެން ފަރާތަކުން ދޭ ފައިސާގެ އެހީގެ ގޮތުގައެއް ނުހިމެނޭނެއެވެ.

 

10 ވަނަ މާއްދާ - ސްކޮލަރށިޕްގެ

ދަށުން ދޫކުރެވޭ ފައިސާ ހަރަދުކުރަންވާނީ އެ ފައިސާ ދޫކުރެވުނު ދަރިވަރަކަށް އެ ދޫކުރެވުނު ބޭނުމަކަށެވެ.

(ށ) ސްކޮލަރށިޕް ލިބޭ ދަރިވަރަކު ސްކޮލަރށިޕް އެވާރޑްކުރުމުގެ ކުރިން އަމިއްލަ ހަރަދުގައި ކިޔަވަން ފަށައިފައިވާ ނަމަ، ދަރިވަރު އަމިއްލައަށް ކުރި ހަރަދުތަކުގެ ތަފުސީލު ލިޔުމީ ހެއްކާއެކު މިނިސްޓްރީއަށް ހުށަހެޅުމުން، އެއީ މި އުސޫލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދެއް ނަމަ، ދަރިވަރަށް އެ ފައިސާ އަނބުރާ ދެވޭނެއެވެ.

 

11 ވަނަ މާއްދާ - ސްކޮލަރށިޕްގެ ސްކޮލަރށިޕް ދިނުމުގައި އަމަލުކުރާނެ ގޮތް ތިރީގައި މިވަނީއެވެ.

(ހ) ކޮންމެ އަހަރަކު މަތީ ސާނަވީ އިމްތިހާންތައް ނިމި، "ހައި އެޗީވަރސް" ސްކޮލަރށިޕަށް ށަރުތު ހަމަވާ ދަރިވަރުން މިނިސްޓްރީ އޮފް އެޑިޔުކޭށަނުން ކަނޑައެޅުމުން އެ ދަރިވަރުން ސްކޮލަރށިޕަށް ހޮވިފައިވާކަން މިނިސްޓްރީން އާންމުކޮށް އިއުލާނުކުރާނެއެވެ.

އާންމުކުރެވޭ ލިސްޓާ ގުޅިގެން ށަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ، އިއުލާނުގެ މުއްދަތުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. މި މުއްދަތުގެ ތެރޭގައި، އެއްވެސް ސަބަބަކާހުރެ ސްކޮލަރށިޕަށް ހޮވިފައިވާ ދަރިވަރަކު އެ ފުރުސަތު ދޫކޮށްލަން ބޭނުންވާ ނަމަ، އެކަން މިނިސްޓްރީއަށް ލިޔުމުން، އަންގަންވާނެއެވެ. ށަކުވާގެ މުއްދަތަށްފަހު، އެ އަހަރަށް ސްކޮލަރށިޕް ލިބިފައިވާ ދަރިވަރުންގެ ފައިނަލް ލިސްޓު، ލަސްވެގެން ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީން އާންމުކުރާނެއެވެ.

(ށ) ސްކޮލަރށިޕަށް ހޮވިފައިވާ ދަރިވަރުންނަށް، މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ދަރިވަރު ފުރިހަމަކުރަން އެދޭ ޕްރޮގުރާމުގެ މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލެވޭނެއެވެ.

(ނ) ސްކޮލަރށިޕަށް ހޮވިފައިވާ ދަރިވަރުންނަށް، މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ދަރިވަރު ފުރިހަމަކުރަން އެދޭ ޕްރޮގުރާމުގެ މައުލޫމާތު ހުށަހެޅުމަށް، މިނިސްޓްރީން ހުޅުވައިލާ ތާރީހުން ފެށިގެން 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި ސްކޮލަރށިޕް ލިބޭ ދަރިވަރުން، ސްކޮލަރށިޕް އިގުރާރުގައި ސޮއިކުރުމަށްފަހު ކިޔަވަން ފަށަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ކިޔަވަން ނުފެށޭ ފަދަ މަގުބޫލު އުޒުރެއް މެދުވެރިވެއްޖެ ހިނދެއްގައި، އެކަން ލިޔުމަކުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހެޅޭ އުޒުރުގެ ސައްހަކަން ސާބިތުކޮށްދިނުމުގެ ގޮތުން، ކަމާގުޅޭ ހެކި ލިޔުމުން ހުށަހަޅަންވާނެއެވެ. މި ހެކީގެ މައްޗަށް ބިނާކޮށް މިނިސްޓްރީން ގޮތެއް ނިންމާނެއެވެ.

(ރ) ސްކޮލަރށިޕް ލިބޭ ދަރިވަރު، ފުރިހަމަކުރުމަށް އެދޭ ޕްރޮގުރާމުގެ ޕްލޭސްމަންޓް، އެ ޕްރޮގުރާމުގެ ސްޓްރަކްޗަރއާއެކު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ބ) ސްކޮލަރށިޕްގެ ދަށުން ފުރުސަތު ލިބޭ ދަރިވަރު ހުށަހަޅާ ޕްރޮގުރާމުގައި ކިޔެވުމަށް މިނިސްޓްރީން ދޭ ސްޕޮންސަރށިޕް ލިޔުން ދޫކުރާނީ، އެ ޕްރޮގުރާމަކީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއާއި ދިވެހިރާއްޖޭގައި ގާއިމުވެފައިވާ، އެ ދާއިރާއަކާ ގުޅޭ އެހެނިހެން ޕްރޮފެށަނަލް ކައުންސިލުތަކާއި އޮތޯރިޓީތަކުން ގަބޫލުކުރާ ފެންވަރުގެ ޕްރޮގުރާމެއްތޯއާއި، ތައުލީމުދޭ މުއައްސަސާއަކީ އެ އިދާރާތަކުން ގަބޫލުކުރާ ތަނެއްތޯއާއި، ދަރިވަރު އެ ކޯހެއްގައި ބައިވެރިވެ ކިޔެވުމަށް ފުރިހަމަކުރަންޖެހޭ ށަރުތުތައް ފުރިހަމަވޭތޯ ބެލުމަށްފަހުގައެވެ.

 

12 ވަނަ މާއްދާ - ދަރިވަރުގެ ޒިންމާ

ސްކޮލަރށިޕްގެ ދަށުން ކިޔަވާ ދަރިވަރުން، ތިރީގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އުފުލަންވާނެއެވެ.

(ހ) ސްކޮލަރށިޕްގެ ދަށުން ފުރުސަތު ލިބޭ ދަރިވަރު ހުށަހަޅާ ޕްލޭސްމަންޓަކީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއާއި ދިވެހިރާއްޖޭގައި ގާއިމުވެފައިވާ، އެ ދާއިރާއަކާ ގުޅޭ އެހެނިހެން ޕްރޮފެށަނަލް ކައުންސިލުތަކާއި އޮތޯރިޓީތަކުން ގަބޫލުކުރާ ފެންވަރުގެ ކޯހެއްތޯއާއި، ތައުލީމުދޭ މުއައްސަސާއަކީ ގަބޫލުކުރާ ތަނެއްތޯއާއި، ދަރިވަރު އެ ކޯހެއްގައި ބައިވެރިވެ ކިޔެވުމަށް، ފުރިހަމަކުރަންޖެހޭ ށަރުތުތައް ފުރިހަމަވޭތޯ ބެލުމަކީ ދަރިވަރުގެ ޒިންމާއެކެވެ.

(ށ) ސްކޮލަރށިޕަށް ހޮވުނުކަން ދަރިވަރަށް، އަންގާތާ ލަސްވެގެން، 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި ކިޔަވާނެ ކޯހެއް އިހްތިޔާރުކޮށް، ކިޔަވަން ފެށުމުގެ ކުރިން މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް، ދަރިވަރުގެ ފަރާތުން ފުރިހަމަކޮށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ހުށަހަޅައި، ސްކޮލަރށިޕްގެ ދަށުން ބައިވެރިވާ ކޯހުގައި ކިޔަވަން ފެށުން. މިގޮތުން ކިޔެވުން ފަށާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކިޔަވަން ފެށި ތާރީހާއި، ސެމިސްޓަރގެ ކިޔެވުން މަރުކަޒުގައި ރަސްމީކޮށް ފެށުނު ތާރީހާއި، ކިޔަވަން އެންރޯލްވެފައިވާ މާއްދާތަކުގެ ތަފްސީލާއި، ދަރިވަރު ކިޔަވަންދާ ގައުމުގައި ދަރިވަރުގެ އެޑްރެހާއި ދަރިވަރާ މުއާސަލާތުކުރެވޭނެ ގޮތުގެ ތަފްސީލުތައް މިނިސްޓްރީއާ ހިއްސާކުރުން.

(ނ) މި ސްކީމުގެ ދަށުން ދޭ ސްކޮލަރށިޕަކީ އެކަޑަމިކް މެރިޓްގެ މައްޗަށް ދެވޭ ސްކޮލަރށިޕަކަށްވާތީ ދަރިވަރުގެ ކޯސް ކުރިޔަށްދާއިރ، އަދި ކޯސް އެއްކޮށް ފުރިހަމަކުރާއިރު މަތީ ފެންވަރުގައި ފާސްވުމަށް ހިތްވަރާއެކު މަސައްކަތްކުރުން.

މި ގޮތުން ސެމިސްޓަރގެ ގުރޭޑު ޕޮއިންޓް އެވްރެޖް (ޖީ.ޕީ.އޭ) އާއި ކިޔުމެލޭޓިވް ޖީ.ޕީ.އޭ 3.00 ނުވަތަ އެއަށްވުރެ މަތީގައި ހިފެހެއްޓުމަށް މަސައްކަތްކުރުން ނުވަތަ 4.00 ގެ ޖީ.ޕީ.އޭ ސްކޭލެއް ނޫން މިންގަނޑެއް ބޭނުންކުރާ މަރުކަޒެއް ނަމަވެސް އެޔާ އެއްފެންވަރު ނަތީޖާއެއް ހޯދުމަށް މަސައްކަތްކުރުން.

(ރ) ދަރިވަރު ކޯހުގައި ކިޔަވަންޖެހޭ ހުރިހާ މާއްދާ/މޮޑިއުލްއަކުން ފާސްވުމާއެކު، ކިޔަވަމުންގެންދާ މަރުކަޒުން ކޯސް ފުރިހަމަކޮށް ސަނަދު ހާސިލުކުރުމަށް ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑަށްވުރެ މަތީގައި ދަރިވަރުގެ އެކަޑަމިކް ޕަރފޯމަންސް ހިފެހެއްޓުން.

(ބ) ކޮންމެ ޓާރމެއްގެ ނުވަތަ ސެމިސްޓަރއެއްގެ ނަތީޖާ މަރުކަޒުން ދޫކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ނަތީޖާ ށީޓް ނުވަތަ އެކަޑަމިކް ޓްރާންސްކްރިޕްޓް މިނިސްޓްރީއާ ހިއްސާކުރުން.

(ޅ) ކިޔެވުން ފެށުމަށްފަހު ކޮންމެ 6 (ހައެއް) މަސްދުވަހަކުން އެއްފަހަރު، ދަރިވަރު ކިޔެވުން ކުރިޔަށްގެންދާކަން އެނގޭނެ ކިޔަވާ މަރުކަޒުގެ ލިޔުމާއެކު، ފައިސާ ދޫކުރުމަށް ބޭނުންވާ ލިޔުންތައް މިނިސްޓްރީއަށް ހުށަހަޅަމުން ގެންދިއުން.

(ކ) ކިޔަވާ މަރުކަޒުގެ ފަރާތުން ޓިއުށަންފީ އިންވޮއިސްކުރިކަމާއި މަރުކަޒަށް ޓިއުށަންފީ ލިބިފައިވާކަން ދަރިވަރު ބަލައި، އެކަމުގެ މައުލޫމާތު މިނިސްޓްރީއަށް ގަވާއިދުން އަންގަމުން ގެންދިއުން. 

(އ) ދަރިވަރާ ބެހޭގޮތުން އަދި ކިޔަވާ މަރުކަޒާއި ކޯހާ ގުޅޭގޮތުން، މިނިސްޓްރީއަށް ދީފައިވާ އެއްވެސް މައުލޫމާތަކަށް ނުވަތަ ރިކޯޑަކަށް ބަދަލެއް އަތުވެއްޖެ ނަމަ އެ ބަދަލެއް އައިތާ، ލަސްވެގެން، 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ބަދަލެއްގެ މައުލޫމާތު ތަފްސީލާއެކު މިނިސްޓްރީއަށް ހިއްސާކުރަމުން ގެންދިއުން.

(ވ) މަގުބޫލު ސަބަބަކާ ގުޅިގެން މިނިސްޓްރީން ލިޔުމުން ހުއްދަ ދީފައިވާ ހާއްސަ ހާލަތުތަކުގައި ނޫނީ، ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި ކޯސް ފުރިހަމަކުރަންޖެހޭ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަކޮށް ނިމޭނޭ ގޮތަށް ކޮންމެ ސެމިސްޓަރަކަށް ވެސް ކަނޑައަޅައިފައިވާ ފުލް ލޯޑުގައި، މާއްދާތައް ނަގައިގެން ކިޔެވުން ކުރިޔަށް ގެންދިއުން.

(މ) ކޯހުގެ ކިޔެވުން ކުރިޔަށްދާއިރު، ކިޔަވާ މަރުކަޒުގެ އުސޫލުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، ޕްލެޖިއަރިޒަމް ނުވަތަ ކޮޕީކުރުން ފަދަ އެކަޑަމިކް އިންޓެގްރިޓީ ގެއްލިދާނެ ފަދަ އެއްވެސް ކަމެއް ނުކުރުން.

(ފ) މި ސްކީމުގެ ދަށުން ދޭ ސްކޮލަރށިޕަކީ ދިވެހި ސަރުކާރުން ދޭ މަތީ ދަރަޖައިގެ ށަރަފުވެރި ސްކޮލަރށިޕަށް ވުމާއެކު، ސްކޮލަރށިޕްގައި ކިޔަވަމުންދާއިރު، އަދި ކިޔެވުން ފުރިހަމަކުރުމަށްފަހު ވެސް މި ށަރަފު ހިފަހައްޓައި ނެގެހެއްޓޭނެ ގޮތަށް ދަރިވަރުގެ އަހުލާގުންނާއި އިސްނެގުމުންނާއި އުނގެނުމާއި ގައުމަށް ހިދުމަތްކުރުމުގައި ހެ ނަމޫނާ ދެއްކުން.

(ދ) އިސްލާމްދީނަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމާއެކު، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް ހުރުމަތްތެރިކޮށް ހިތުމާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން ދަރިވަރަކު ކިޔަވަމުންދާ ގައުމެއްގެ ގާނޫނުތަކަށާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، އާންމު މަސްލަހަތާއި ހަމަޖެހުން ގެއްލިދާނެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމާއި، ދިވެހިރާއްޖޭގެ ތަސައްވުރު ކިލަނބުވާނެ ފަދަ އެއްވެސް އަމަލެއް ނުހިންގުމާއި، މިނިސްޓްރީން އަންގާ އެންގުންތަކަށް އަމަލުކުރުން.

(ތ) ސްކޮލަރށިޕްގެ ދަށުން ކިޔަވާ ކޯސް ފުރިހަމަކޮށް ނިމުމުން ދަރިވަރު މަރުކަޒަށް ހާޒިރުވާންޖެހޭ އެންމެ ފަހު ދުވަހުގެ މައުލޫމާތު އެނގޭނެ މަރުކަޒުގެ ލިއުމަކާއެކު، ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އެންގުން.

(ލ) ދިވެހިރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން ކޯސް ފުރިހަމަކުރުމަށް ފަހު، ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް އެނބުރި އައިސް، ރާއްޖެ އަންނަތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އެކަން އެންގުން.

(ގ) އިންޓަރންށިޕް ފުރިހަމަކުރާ ދަރިވަރުން، އިންޓަރންށިޕް ފުރިހަމަކުރުމަށްފަހު ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް އެނބުރި އައިސް، ރާއްޖެ އަންނަތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އެކަން އެންގުން.

(ޏ) ފުރިހަމަކުރާ ކޯހުގެ ފައިނަލް ނަތީޖާ، މަރުކަޒުން ދޫކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ނަތީޖާ ށީޓް ނުވަތަ އެކަޑަމިކް ޓްރާންސްކްރިޕްޓް މިނިސްޓްރީއާ ހިއްސާކުރުމާއި، ފުރިހަމަކުރި ކޯހުގެ ސެޓްފިކެޓު ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ސެޓްފިކެޓު ވެލިޑޭޓްކުރުމަށްފަހު އެ ސެޓްފިކެޓުގެ ކޮޕީއެއް މިނިސްޓްރީއަށް ހުށަހެޅުން.

(ސ) ސްކޮލަށިޕް ފުރިހަމަކުރުމަށްފަހު، މި އުސޫލުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ދިވެހި ގައުމަށް ހިދުމަތްކުރުން.

 

13 ވަނަ މާއްދާ - ސްކޮލަރށިޕްގެ ފުރުސަތު ކެންސަލްވާނެ ހާލަތުތައް

ދަރިވަރަށް ލިބިފައިވާ ސްކޮލަރށިޕްގެ ފުރުސަތު ކެންސަލްވާނެ ހާލަތުތައް ތިރީގައި މިވަނީއެވެ.

(ހ) ސްކޮލަރށިޕަށް ހޮވުމަށްފަހު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ޖަލުހުކުމެއް އައުން.

(ށ) އަހުލާގީ ސަބަބަކާ ހުރެ ނުވަތަ ފެއިލްވުމާ ގުޅިގެން ކިޔަވާ މަރުކަޒުން ދަރިވަރު ވަކިކުރުން.

(ނ) މަގްބޫލު ސަބަބެއް ނެތި ސްކޮލަރށިޕް އެވޯޑްކުރާތާ 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި ކިޔަވަން ފަށައިފައި ނުވުން.

(ރ) ސްކޮލަރށިޕް ދޫކޮށްލުމަށް ދަރިވަރު ލިޔުމުން މިނިސްޓްރީއަށް ހުށަހެޅުން.

 

14 ވަނަ މާއްދާ - ކިޔަވާ ޕްރޮގްރާމް ބަދަލުކުރުން

އުސޫލެއްގެ ގޮތުން، ދަރިވަރުން ތައުލީމު ހާސިލުކުރަން ފެށުމަށްފަހު، ދަރިވަރަކު ކިޔަވަމުންދާ ކޯހާއި، ކޯހުގެ މުއްދަތާއި، މަތީ ތައުލީމުދޭ މުއައްސަސާއާއި ކިޔަވަންދާ ގައުމު ބަދަލުކުރުމުގެ ފުރުސަތެއް ނުދެވޭނެއެވެ. ނަމަވެސް، ދަރިވަރު ކިޔަވަން ގަސްތުކުރި ކޯހުގެ ޕްލޭސްމަންޓް މަރުކަޒުން ލިބުމަށްފަހު އަންނަނިވި ހާލަތުތަކުގައި ކޯހް ނުވަތަ ކޯހުގެ މުއްދަތު ނުވަތަ މަރުކަޒާއި ގައުމު ބަދަލުކުރުމަށް މިނިސްޓްރީއަށް ހުށަހެޅުމުން އެ ހާލަތަކަށް ރިއާޔަތްކޮށްފައި މިނިސްޓްރީން ހުއްދަ ދެވިދާނެއެވެ.

(ހ) ޕްރޮގްރާމު ބަދަލުކުރަން އެދޭއިރު، ކުރިން ހުށަހެޅި ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ މަތީ ތައުލީމުދޭ މުއައްސަސާއަށް އެއްވެސް ފައިސާއެއް ދައްކައިފައި ނެތުން.

(ށ) ޕްރޮގުރާމު ބަދަލުކުރަން އެދޭއިރު، ކުރިން ހުށަހެޅި ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ މަތީ ތައުލީމުދޭ މުއައްސަސާއަށް ފައިސާ ދައްކައިފައި ވަނިކޮށް، ޕްރޮގުރާމު ބަދަލުކުރަން އެދޭ ނަމަ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވުން؛

  1. ބަދަލުކުރަން ހުށަހެޅީ، ކިޔަވަން ފެށި ޕްރޮގުރާމުގެ ފުރަތަމަ ސެމެސްޓަރ ނިމުމުގެ ކުރިން ކަމުގައި ވުން؛
  2. ދޫކޮށްލާ ޕްރޮގުރާމު ކުރިޔަށް ގެންދިޔުމަށް އެހައިތަނަށް ދަރިވަރަށް ސްކޮލަރށިޕްގެ ދަށުން ކޮށްފައިވާ ހަރަދުތަކަކީ، ބަދަލުވާ ޕްރޮގުރާމުގެ މުއްދަތަށް ކުރެވުނު ހަރަދު ކަމުގައި ބަލައި، ދޫކޮށްލާ ކޯހުގައި ކިޔަވައިފައިވާ މުއްދަތު، ބަދަލުވާ ކޯހުގެ ޖުމުލަ މުއްދަތުން އުނިކޮށް، އެ ކޯހުގެ ހަރަދުތައް ދިނުމާމެދު އިއުތިރާޒެއް ނުކުރާކަމަށް ދަރިވަރު އެއްބަސްވުން؛
  3. ޕްރޮގުރާމު ބަދަލުކުރަންޖެހޭ ސަބަބު، އެކަން ކުރުން މުހިންމުކަމަށް ބާރުދޭ ކަމާ ގުޅޭގޮތުން ކިޔަވާ މަރުކަޒުން ދޫކޮށްފައިވާ ލިޔުންތަކާއި، އަދި އެ ސަބަބަކީ ސިއްހީ ނުވަތަ ނަފުސާނީ ހާލަތެއް އެ ދަރިވަރަކަށް މެދުވެރިވިގެން ދިމާވި ކަމެއް ނަމަ، އެކަން ސާބިތުކޮށްދިނުމަށް ހެކިކަމަށް ހުށަހަޅާ މެޑިކަލް ސެޓްފިކެޓްތަކާއި ނުވަތަ މެޑިކޯ ސޯށަލް ރިޕޯޓުގެ ރަސްމީ ފަރާތްތަކުގެ ލިޔުންތަކާއެކު ހުށަހަޅައިފައި އޮތުން؛
  4. ޕްރޮގުރާމު ބަދަލުކުރާ ފުރަތަމަ ފަހަރުކަމުގައި ވުން؛
  5. ދޫކޮށްލާ ޕްރޮގުރާމު ފުރިހަމަކުރުމަށް ހިނގާނެ ހަރަދަށް ވުރެ، ބަދަލުވާ ކޯހުގެ ޖުމުލަ ހަރަދު ބޮޑުނުވާނެ ޕްރޮގުރާމަކަށް ވުން؛

 

15 ވަނަ މާއްދާ - ދަރިވަރު ކޯހުން ފެއިލްވެއްޖެ ނަމަ ނުވަތަ ވަކިވެއްޖެ ނަމަ އަމަލުކުރާނެ ގޮތް

(ހ) ސްކޮލަރށިޕްގައި ކިޔަވަމުންދާ ދަރިވަރަކު، މަގުބޫލު ސަބަބެއްނެތި ކޯހުން ނުވަތަ ކޯހުގެ ޔުނިޓަކުން ފެއިލްވެއްޖެ ނަމަ، ފެއިލްވި މޮޑިއުލްގައި އަލުން ބައިވެރިވުމަށް ހިނގާ ހަރަދު ހަމަޖައްސަންޖެހޭނީ އެ ދަރިވަރު އަމިއްލައަށެވެ. އަދި މިގޮތުން ޕްރޮގުރާމު ފުރިހަމަކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ވުރެ ކޯހުގެ ހުރިހާ މޮޑިއުލެއް ފުރިހަމަކުރަން ނަގާ މުއްދަތު އިތުރުވެއްޖެ ނަމަ، އެ މުއްދަތުގައި ސްޓައިޕެންޑުގެ ގޮތުގައި ކުރަންޖެހޭ ހަރަދު ވެސް ހަމަޖައްސަންޖެހޭނީ އެ ދަރިވަރު އަމިއްލައަށެވެ.

(ށ) ސްކޮލަރށިޕްގައި ކިޔަވަމުންދާ ދަރިވަރަކު މާއްދާއަކުން ނުވަތަ މާއްދާތަކަކުން ފެއިލްވެފައިވަނީ އޭނާގެ އަމިއްލަ އިހުތިޔާރާއި ބާރުގެ ބޭރުން ހިނގާ ކަމެއްގެ ސަބަބުން ކަމަށް ވެފައި، އެއީ މަގުބޫލު އުޒުރެއްކަމަށް މިނިސްޓްރީއަށް ފެނިއްޖެ ނަމަ، އެ މާއްދާއެއްގައި ނުވަތަ މާއްދާތަކުގައި އިތުރު 1 (އެކެއް) ފަހަރު އަލުން ބައިވެރިވުމަށް ހަރަދު ދެވިދާނެއެވެ. އަދި މިފަދަ ސަބަބަކާ ހުރެ މާއްދާއެއްގައި ނުވަތަ މާއްދާތަކެއްގައި، އަލުން ބައިވެރިވާން ޖެހިގެން މުޅި ކޯސް ފުރިހަމަކުރުމަށް ފުރަތަމަ ކަނޑައަޅައިފައިވާ މުއްދަތަށް ވުރެ އިތުރު ވަގުތު ހޭދަކުރަންޖެހޭ ނަމަ، އެންމެ އަވަސް މުއްދަތެއްގައި ނިންމުމަށް ހޭދަވާ މުއްދަތަކަށް ސްޓައިޕެންޑާއި ކޯސްފީގެ ހަރަދު ދެވިދާނެއެވެ. މިގޮތުން، ކޯހުގެ އަސްލު މުއްދަތަށް ވުރެ އިތުރު ވަގުތު ހޭދަކުރަންޖެހޭ ނަމަ، ގިނަވެގެން ދެވޭނީ، އިތުރުވާ 12 (ބާރަ) މަސްދުވަހަށް ހިނގާނެ ހަރަދެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ދަރިވަރަކު މާއްދާއަކުން ފާސްނުވުމުގައި މަގުބޫލު ސަބަބެއް އޮތްކަމަށް މިނިސްޓްރީން ކަނޑައަޅާނީ، އެ މާއްދާއަކުން ފެއިލްވާން ދިމާވި ސަބަބަކީ، ދަރިވަރުގެ އަމިއްލަ އިހުތިޔާރާއި ބާރުގެ ބޭރުން ހިނގައިފައިވާ ކަމެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން، ކަމާބެހޭ ހެކިތަކާއި ކަމާ ގުޅޭގޮތުން ކިޔަވާ މަރުކަޒުން ހުށަހަޅައިފައިވާ ލިއުންތަކާއި، އަދި އެ ސަބަބަކީ ސިއްހީ ހާލަތެއް ނުވަތަ ނަފުސާނީ ހާލަތެއް ދަރިވަރަކަށް މެދުވެރިވެގެން ދިމާވި ކަމެއް ނަމަ އެކަން ސާބިތުކޮށްދިނުމަށް ޓަކައި ހުށަހަޅާ މެޑިކަލް ސެޓްފިކެޓުތަކާއި މި ނޫންވެސް މެޑިކޯ ސޯށަލް ރިޕޯޓުގެ މައްޗަށް ބިނާކޮށެވެ.

(ރ) އެއްވެސް ސަބަބަކާ ހުރެ، ތައުލީމު ހާސިލުކުރަމުންދާ މަތީ ތައުލީމުދޭ މަރުކަޒަކުން ދަރިވަރު ވަކިކޮށްފި ނަމަ ނުވަތަ މަގްބޫލު އުޒުރަކާ ނުލައި ކޯހުން ދަރިވަރު ފެއިލްވެއްޖެ ނަމަ ނުވަތަ ދަރިވަރު އަމިއްލައަށް ކޯހުގައި ކިޔެވުން ހުއްޓައިލައިފި ނަމަ 12 ފެބުރުވަރީ 2020 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "ދިވެހި ސަރުކާރުގެ ހިލޭ ތައުލީމާއި ތަމްރީން ހާސިލުކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން ނެހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި، ހިދުމަތް ނުކުރާ ފަރާތްތަކާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލު" ގައިވާ ގޮތުގެ މަތީން އެ ދަރިވަރަކާ މެދު އަމަލުކުރެވޭނެއެވެ.

 

16 ވަނަ މާއްދާ - ކޯސް ނިންމުމަށްފަހު ހިދުމަތްކުރުން

(ހ) މި އުސޫލުގެ ދަށުން ސްކޮލަރށިޕް ލިބިގެން ކިޔަވާ ދަރިވަރުން، ތިރީގައި ބަޔާންވެގެންވާ ގޮތުގެ މަތީން ސަރުކާރަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން ދިވެހިރާއްޖެއަށް ހިދުމަތް ކުރަންވާނެއެވެ.

  1. ރާއްޖެއިން ބޭރުގައި ތަމްރީނު ދެވޭ ފަރާތެއް ނަމަ، އަދި އެ ކޯހުގެ މުއްދަތަކީ 4 (ހަތަރެއް) އަހަރުދުވަސް ނުވަތަ 2 (ދޭއް) އަހަރުދުވަހާއި 4 (ހަތަރެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއް ނަމަ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ހިދުމަތްކުރުން.
  2. ރާއްޖެއިން ބޭރުގައި ތަމްރީނުވާ ފަރާތެއް ނަމަ، އަދި އެ ކޯހުގެ މުއްދަތަކީ 4 (ހަތަރެއް) އަހަރުދުވަހަށް ވުރެ ދިގު މުއްދަތެއް ނަމަ، 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތަށް ހިދުމަތްކުރުން؛

  3. ރާއްޖޭގައި ތަމްރީނުދެވޭ ފަރާތެއް ނަމަ، އަދި އެ ކޯހުގެ މުއްދަތަކީ 18 (އަށާރަ) މަސްދުވަހަށް ވުރެ ދިގު މުއްދަތެއް ނަމަ، 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތަށް ހިދުމަތްކުރުން؛

  4. މި މާއްދާގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ނަންބަރުގައި ބަޔާންކޮށްފައިވާ ކޯހުގެ މުއްދަތު ގުނުމުގައި، ކޯހުގެ ބައެއްގެ ގޮތުގައި ހަދައިދީގެން ބައިވެރިވާ އިންޓަރންށިޕްގެ މުއްދަތު ވެސް ހިމެނޭނެއެވެ.

(ށ) ސްކޮލަރށިޕްގެ ދަށުން ކިޔަވާ ކޯސް ފުރިހަމަކުރާތާ ލަސްވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ ގޮތަށް ހިދުމަތްކުރަން ފަށަންވާނެއެވެ. އަދި އެކަން ވަޒީފާ އަދާކުރާ ތަނާއި، ވަޒީފާ އަދާކުރަން ފެށި ތާރީހާއި މަގާމް އެނގޭނޭހެން ލިޔުމުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ޕޯޓަލެއް މެދުވެރިކޮށް މިނިސްޓްރީއަށް އަންގަންވާނެއެވެ. އަދި ހިދުމަތް ކުރަންޖެހޭ މުއްދަތުގެ ތެރޭގައި ވަޒީފާއިން ވަކިވެއްޖެ ނަމަ، ނުވަތަ ވަޒީފާއަށް އެއްވެސް ބަދަލެއް އަތުވެއްޖެ ނަމަ، ލަސްވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 6 (ހައެއް) މަސްދުވަހުގެ މުއްދަތުގެ ތެރޭގައި، ރާއްޖޭގެ އެއްވެސް ތަނަކުން ވަޒީފާއެއް ހަމަޖެހިފައި ނުވާ ނަމަ، ވަޒީފާއެއް ހޯދުމަށް ކުރި މަސައްކަތް ތަފްސީލާއެކު މިނިސްޓްރީއަށް އަންގަންވާނެއެވެ. މިފަދަ ހާލަތުގައި ދަރިވަރަށް އެކަށީގެންވާ ވަޒީފާއެއް ހޯދައިދިނުމުގައި މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މިގޮތުން، މިނިސްޓްރީ މެދުވެރިކޮށް ފަހިކޮށްދެވޭ ވަޒީފާގެ ފުރުސަތުގެ ބޭނުންހިފުމަށް ދަރިވަރު އެއްބަސްވާންވާނެއެވެ.

(ރ) ހިދުމަތްކުރުމަށް ކަނޑައަޅައިފައިވާ މުއްދަތުގައި އަންނަނިވި ސަބަބުން ކުރެ ސަބަބެއް ދިމާވެއްޖެ ނަމަ، އެކަން ލިޔުމުން މިނިސްޓްރީއަށް ސަބަބު ބަޔާންކޮށް ހެއްކާއެކު ހުށަހެޅުމުން، އެއީ މަގުބޫލު ސަބަބެއްކަމަށް މިނިސްޓްރީއަށް ފެނިއްޖެ ހާލަތުގައި ހިދުމަތުގެ މުއްދަތު ފަސްކުރެވިދާނެއެވެ.

  1. ހިދުމަތްކުރަން ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި އެހެން ކޯހެއްގައި ނުވަތަ ތަމްރީނެއްގައި ބައިވެރިވުމަށް، އެ ޕްރޮގްރާމެއް ފުރިހަމަކުރުމަށް ހިނގާ މުއްދަތަށް،
  2. ސިއްހީ މައްސަލައެއްގެ ސަބަބުން ދިގު މުއްދަތަކަށް މަސައްކަތަށް ނުކުތުމަށް އުޒުރުވެރިވާ ފަދަ މަގުބޫލު ހާލަތެއް ދިމާވުމުން، އަނބުރާ ވަޒީފާ އަދާކުރެވޭ ފަދަ ހާލަތަކަށް ބަދަލުވަންދެން އެ މުއްދަތަށް،
  3. އާއިލީގޮތުން ތިމާ ބަލަހައްޓަން ޖެހިފައިވާ ކުއްޖަކު ނުވަތަ މީހަކު ބެލެހެއްޓުމަށް މަގުބޫލު ސަބަބެއް އޮވެގެން، ވަޒީފާ އަދާކުރުމަށް އުޒުރުވެރިވާ ހާލަތުގައި އެ މުއްދަތަށް،

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިދުމަތުގެ މުއްދަތު ގުނާނީ، ކޯސް ފުރިހަމަކުރުމަށްފަހު، ފުރަތަމަ އަދާކުރާ ވަޒީފާގައި މަސައްކަތް ފަށާ ދުވަހުން ފެށިގެންނެވެ. މި ގޮތަށް މުއްދަތު ގުނުމުގައި 2 (ދޭ) ވަޒީފާއެއްގެ ދޭތެރޭ 3 (ތިނެއް) މަސްދުވަހަށް ވުރެ އިތުރު ނުވާގޮތަށް ވަޒީފާ މެދުކެނޑިފައިވާ ދުވަސްތައް ވެސް ހިމެނޭނެއެވެ. ނަމަވެސް 3 (ތިނެއް) މަސްދުވަހަށް ވުރެ ދިގު މެދުކެނޑުމެއް އަތުވެއްޖެ ނަމަ، ހިދުމަތުގެ މުއްދަތު ގުނާނީ އެ މެދުކެނޑުނު ދުވަސްތައް ނުހިމަނައެވެ. އަދި ވަޒީފާގައި ހުރެގެން މުސާރަ ނުލިބޭގޮތަށް 3 (ތިނެއް) މަސްދުވަހަށް ވުރެ އިތުރުވާގޮތަށް ނަގާ ޗުއްޓީ (ނޯ ޕޭ ލީވް) ގެ މުއްދަތު ވެސް، ހިދުމަތުގެ މުއްދަތުގެ ތެރޭގައެއް ނުގުނޭނެއެވެ.

 

17 ވަނަ މާއްދާ - ހިދުމަތްނުކުރާ ފަރާތްތަކުން އަނބުރާ ފައިސާ ދެއްކުން

މި އުސޫލުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިދުމަތްނުކުރާ ފަރާތްތަކަށް، ސްކޮލަރށިޕުން ކޮށްފައިވާ ހަރަދު، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ސަރުކާރަށް އަނބުރާ ދައްކަންވާނެއެވެ.

(ހ) މި އުސޫލުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ހިދުމަތްކުރަން ފަށައިފައިނުވާ ދަރިވަރުންނަށް، ސްކޮލަރށިޕްގެ ދަށުން ކުރެވިފައިވާ ހަރަދު ބަލާނީ، އެއީ ދަރިވަރުން އަނބުރާ ދައްކަންޖެހޭ ލޯނެއްގެ ގޮތުގައެވެ. މިގޮތުން ދަރިވަރަށް ސްކޮލަރށިޕް ހަމަޖައްސާއިރު މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ސްކޮލަރށިޕަށްފަހު ހިދުމަތްނުކުރާ ހާލަތުގައި އެ ފައިސާއަކީ، އަނބުރާ ދައްކަންޖެހޭ ފައިސާއެއްކަމަށް ދަރިވަރު އިގުރާރުވާންވާނެއެވެ.

(ށ) ފައިސާ އަނބުރާ ދެއްކުމުގައި އަމަލުކުރާނީ، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މި ގޮތުން ފައިސާ އަނބުރާ ދައްކައި ހަލާސްކުރަންޖެހޭ ޖުމުލަ މުއްދަތާއި ކޮންމެ މަހަކު ދައްކަންޖެހޭ ފައިސާގެ މިންވަރު މިނިސްޓްރީން ކަނޑައަޅާނީ، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) މި އުސޫލުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު މުޅިން ފުރިހަމަނުކޮށް އެ މުއްދަތުން ބައެއްގައި ހިދުމަތްކޮށްފި ނަމަ، ލޯނުގެ ގޮތުގައި އަނބުރާ ދައްކަންޖެހޭ މިންވަރު ކަނޑައަޅާނީ، ހިދުމަތްކުރި މުއްދަތަށް ސްކޮލަރށިޕްގެ ޖުމުލަ ހަރަދުން، ހިދުމަތްކުރަންޖެހޭ ޖުމުލަ މުއްދަތުގެ ނިސްބަތުން ހިދުމަތްކުރި، މުއްދަތު އުނިކުރުމަށްފަހު ހިދުމަތްނުކޮށް ދޫކޮށްލާ މުއްދަތަށް ޖެހޭ މިންވަރެވެ.

 

18 ވަނަ މާއްދާ - މި އުސޫލުގައި ނެތްކަމެއް ދިމާވުން

މި އުސޫލުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއް ނިންމާނީ، މި އުސޫލުގައި ކަނޑައަޅައިފައިވާ ހަމަތަކާއި އަސާސްތަކާ ހިލާފުނުވާ ގޮތެއްގެ މަތިން، މިނިސްޓްރީންނެވެ.

 

19 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި ވަކި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ނުދޭހަވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވާ، ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަ ކުރުމެވެ.

(ހ) "ސްކޮލަރށިޕް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މަތީ ސާނަވީ އިމްތިހާނުތަކުން މަތީ ދަރަޖައިގައި ފާސްވެފައިވާ ދަރިވަރުންނަށް، ދިވެހި ސަރުކާރުން ދޭ ހާއްސަ ސްކޮލަރށިޕަށެވެ.

(ށ) "ޕްރޮފެށަނަލް ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ލައިސަންސް ނުވަތަ ހުއްދަ ލިބިގެން މަސައްކަތްކުރަންޖެހޭ ދާއިރާތަކުގައި އެފަދަ މަސައްކަތްތައް ފަންނީ ގޮތެއްގައި ކުރުމަށް ލައިސަންސް ނުވަތަ ހުއްދަ ލިބޭ ފެންވަރުގެ ސަނަދުތަކަށެވެ.

(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނާ ގުޅޭ ކަންކަމަށް ޒިންމާވާ ވުޒާރާއަށެވެ.

(ރ) "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން ދަރިވަރު ކިޔަވަންދާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަށެވެ.

(ބ) "ފުރަތަމަ ޑިގްރީ ނުވަތަ ބެޗިލަރސް ޑިގްރީ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކުގެ ލެވަލް 7 ގެ ޑިގްރީ ފެންވަރުގެ ސަނަދެއްކަމަށް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ކަނޑައަޅާ ސަނަދަށެވެ.

(ޅ) "މާސްޓަރސް ޑިގްރީ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކުގެ ލެވަލް 9 ގެ ޑިގްރީ ފެންވަރުގެ ސަނަދެއްކަމަށް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ކަނޑައަޅާ ސަނަދަށެވެ.

(ކ) "މޮޑިއުލް" ކަމަށް ބުނެފައި އެވަނީ، ދަރިވަރު ކިޔަވާ ޕްރޮގުރާމުގައި ވަކިވަކި މާއްދާތަކުގެ ގޮތުގައި ހަދަންޖެހޭ ޔުނިޓްތަކަށެވެ.

(އ) "ދަރިވަރު" ކަމަށް ބުނެފައި އެވަނީ، މި ސްކޮލަރށިޕްގެ ދަށުން ކިޔެވުމަށް ހޮވިފައިވާ ދަރިވަރުންނަށެވެ.

(ވ) "ޕްރޮގުރާމް" ނުވަތަ "ކޯސް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ސްކޮލަރށިޕްގެ ދަށުން ދަރިވަރު ބައިވެރިވާ ޕްރޮގުރާމުތަކަށެވެ.

(މ) "ސްކީމް" ކަމަށް ބުނެފައި އެވަނީ، ހައި އެޗީވަރސް ސްކޮލަރށިޕަށެވެ.

 

20 ވަނަ މާއްދާ - އުސޫލަށް އަމަލުކުރުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

21 ވަނަ މާއްދާ - ކުރީގެ އުސޫލު އުވައިލުން

މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، 18 ޑިސެންބަރު 2024 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ މި މިނިސްޓްރީގެ އުސޫލު ނަންބަރު 2024-46 (ހައި އެޗީވަރސް ސްކޮލަރށިޕާބެހޭ އުސޫލު) އުވުނީއެވެ.

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 2021-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު