-

އިންސްޓިޓިއުށަނަލް އޮޑިޓް ގަވާއިދު

(ގަވާއިދު ނަންބަރު 2022-79)

1 ވަނަ މާއްދާ - ތައާރުފާއި ނަން

މިއީ، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ނ) އާއި، 18 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 7 ވަނަ މާއްދާގެ (ރ) ގެ ދަށުން ކަނޑައަޅާ އުސޫލުތައް ބަޔާންކުރުމަށް ޓަކައި އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ (ނޯޓް: މި މާއްދާގެ ސުރުހީއެއް ހިމެނިފައިނުވޭ)

މި ގަވާއިދަށް ކިޔާނީ، "އިންސްޓިޓިއުށަނަލް އޮޑިޓް ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގައި ހިންގާ މަތީ ތަ އުލީމުދޭ މަރުކަޒުތަކުން ހިންގާ 
ޕްރޮގްރާމްތައް އޮޑިޓްކުރުމުގައި އިންސްޓިޓިއުށަނަލް އޮޑިޓް ގައިޑްލައިނާއި، އިންސްޓިޓިއުށަނަލް އޮޑިޓް މެނުއަލްގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް އިންސްޓިޓިއުށަނަލް އޮޑިޓްތައް ތަންފީޛުކުރުމަށް ޓަކައި، އަމަލުކުރަންޖެހޭ އާންމު އުސޫލުތައް ކަނޑައަޅައި އާންމުކުރުމެވެ.

 

4 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައި އެވަނީ ތިރީގައިވާ މާނައިގައެވެ.

(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ" އަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ނ) "މަތީ ތައުލީމު ދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކަށެވެ.

(ރ) "ބޯޑު" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑަށެވެ.

(ބ) "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒުތަކަށެވެ.

(ޅ) "އޮޑިޓް" ކަމަށް ބުނެފައި އެވަނީ، އިންސްޓިޓިއުށަނަލް އޮޑިޓަށެވެ.

(ކ) "ރޭޓިންގ" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމުދޭ މަރުކަޒުތައް އޮޑިޓްކުރާއިރު އޮޑިޓުގެ މިންގަނޑުތަކުގެ ދަށުން ދޭ ޕޮއިންޓުތަކާ އެއްގޮތަށް އެ މަރުކަޒެއް ގިންތިކުރުމަށެވެ.

(އ) "ސެލްފް އިވަލުއޭށަން ރިޕޯޓް" ކަމަށް ބުނެފައި އެވަނީ، "އިންސްޓިޓިއުށަނަލް އޮޑިޓް ގައިޑްލައިން" އާއި، "މެނުއަލް ފޮރ އިންސްޓިޓިއުށަނަލް އޮޑިޓް" ގައި ބަޔާންކޮށްފައިވާ ސެލްފް އިވަލުއޭށަން ރިޕޯޓަށެވެ.

(ވ) "އޮޑިޓް ޕޫލް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން އާންމުކޮށް ހުޅުވައިލުމުން ކުރިމަތިލާ މީހުންގެ ތެރެއިން އޮޑިޓް ޕެނަލުގެ މެންބަރެއްގެ ށަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެ އޮތޯރިޓީން އެކުލަވައިލާ ލިސްޓުގައި ހިމެނޭ މީހުންނަށެވެ.

 

5 ވަނަ މާއްދާ - އިންސްޓިޓިއުށަނަލް އޮޑިޓްކުރުން

އިންސްޓިޓިއުށަނަލް އޮޑިޓްކުރުމުގައި އޮތޯރިޓީން އަމަލުކުރަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށެވެ. އަދި ދިވެހިރާއްޖޭގައި ފޯރުކޮށްދޭ މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ހިދުމަތްތަކުގެ ފެންވަރު ވަޒަންކޮށް، ގައުމީ މިންގަނޑުތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ސަނަދުތަކުގެ ފެންވަރު ހިފެހެއްޓޭކަން ކަށަވަރު ކުރުމަށް ޓަކައި ބައިނަލްއަގްވާމީ މިންގަޑުތަކަށް ފެތޭގޮތަށް ތައްޔާރުކޮށްފައިވާ އޮތޯރިޓީގެ "އިންސްޓިޓިއުށަނަލް އޮޑިޓް ގައިޑްލައިން" އާއި "މެނުއަލް ފޮރ އިންސްޓިޓިއުށަނަލް އޮޑިޓް" އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

6 ވަނަ މާއްދާ - އިންސްޓިޓިއުށަނަލް އޮޑިޓް ލާޒިމްވުން

އިންސްޓިޓިއުށަނަލް އޮޑިޓްކުރުމަށް އޮތޯރިޓީން ކޮންމެ އަހަރަކަށް ކަނޑައަޅާ މަރުކަޒުތައް އޮޑިޓްކުރުމަށް އެ މަރުކަޒުތަކުން އެއްބާރުލުން ދޭންވާނެއެވެ.

 

7 ވަނަ މާއްދާ - އިންސްޓިޓިއުށަނަލް އޮޑިޓްކުރެވޭ ތަންތަން

(ހ) މި ގަވާއިދުގެ ދަށުން އިންސްޓިޓިއުށަނަލް އޮޑިޓްކުރެވޭނީ، ދިވެހިރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒުތަކުގެ ތެރެއިން ތިރީގައިވާ މިންގަނޑުތަކަށް ފެތޭ މަރުކަޒުތަކެވެ.

  1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ، މަތީ ތައުލީމުގެ ޕްރޮގްރާމެއް ނުވަތަ ކޯހެއް އޮތޯރިޓީން ހުއްދަ ލިބިގެން ނުވަތަ އެކްރެޑިޓްކޮށްގެން ހިންގާ ދިވެހިރާއްޖޭގެ ހުރިހާ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، އިންސްޓިޓިއުޓްތައް؛
  2. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒުތަކުގެ އިތުރަށް، ސަރުކާރު ބޭނުންވެގެން ނުވަތަ އެ މަރުކަޒަކުން އެދިގެން އޮޑިޓްކުރާ ތަންތަން؛

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކުރާ އޮޑިޓްތައް ކުރަންވާނީ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކުރާ އޮޑިޓްތަކަށް ބުރޫ ނާރާ ގޮތެއްގެ މަތީންނެވެ.

 

8 ވަނަ މާއްދާ - އިންސްޓިޓިއުށަނަލް އޮޑިޓްކުރެވޭ މުއްދަތު

މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަރުކަޒުތައް، ކޮންމެ 3 (ތިނެއް) އަހަރަކުން 1 (އެކެއް) ފަހަރު އޮޑިޓްކުރަންވާނެއެވެ

 

9 ވަނަ މާއްދާ - އިންސްޓިޓިއުށަނަލް އޮޑިޓް ޕެނަލް

(ހ) އޮޑިޓް ޕެނަލް އެކުލެވިގެންވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ފާހަގަކޮށް ލިސްޓުކޮށްފައިވާ "އޮޑިޓް ޕޫލް" ގެ ތެރެއިން އެ އޮތޯރިޓީން އައްޔަނުކުރާ މެންބަރުންގެ މައްޗަށެވެ. އެ ގޮތުން، ޔުނިވަރސިޓީތަކާއި، ކޮލެޖްތަކުގެ އޮޑިޓް ޕެނަލް އެކުލެވިގެންވަނީ، 5 (ފަހެއް) މެންބަރުން މައްޗަށެވެ. އަދި އިންސްޓިޓިއުޓްތަކުގެ އޮޑިޓް ޕެނަލް އެކުލެވިގެންވަނީ، 3 (ތިނެއް) މެންބަރުންގެ މައްޗަށެވެ.

(ށ) އޮޑިޓް ޕެނަލުގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ، އޮޑިޓް ޕެނަލަށް އައްޔަނުކުރާ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ގެ މުވައްޒަފެވެ.

(ނ) އިންސްޓިޓިއުށަނަލް އޮޑިޓް ގައިޑްލައިނާއި، އިންސްޓިޓިއުށަނަލް އޮޑިޓް މެނުއަލުގައިވާ މިންގަނޑުތަކާ އެއްގޮތަށް އޮޑިޓް ޕެނަލަށް އައްޔަނުކުރަންވާނީ، ތިރީގައިވާ ށަރުތުތައް ހަމަވާ، ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ކަމަށް ގާބިލު އަދި އޮޑިޓްކުރާ މަރުކަޒަކާ މަސްލަހަތު ފުށުނާރާ މީހުންނެވެ.

  1. ތައުލީމީގޮތުން ދަށްވެގެން އޮތޯރިޓީން ގަބޫލުކޮށްފައިވާ ބެޗްލަރސް ޑިގްރީއަކާއި، މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވާ މީހަކަށް ވުން؛
  2. އޮތޯރިޓީން ކަމާ ގުޅޭގޮތުން ދޭ ތަމްރީނެއް އޮތްނަމަ، އެފަދަ ތަމްރީނެއް ފުރިހަމަކޮށްފައިވާ މީހަކަށް ވުން؛
  3. އޮޑިޓްކުރާ މަރުކަޒަކާ މަސްލަހަތު ފުށުއެރުމެއް ނެތް މީހެއް ކަމުގައިވުން.

(ރ) އޮޑިޓް ޕެނަލަށް އައްޔަނުކުރާ މެންބަރަކީ، އޮޑިޓްކުރާ މަރުކަޒަކާ މަސްލަހަތު ފުށުއެރުމެއް ނެތް މީހެއް ކަމަށް ނިންމާނީ، އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބެއް ނެތް ނަމަ އެވެ.

  1. އޮޑިޓްކުރާ މަރުކަޒުގެ ހިއްސާދާރަކަށް ވުން؛
  2. އޮޑިޓްކުރާ މަރުކަޒުގެ ވެރިޔަކަށް ވުން؛
  3. އޮޑިޓްކުރާ މަރުކަޒުގެ މުވައްޒަފަކަށް ވުން.
  4. އޮޑިޓްކުރާ މަރުކަޒާ ގާތްގުޅުމެއް އޮންނަކަމަށް ނުވަތަ އެ މަރުކަޒަކާމެދު ތައައްސުބެއް އުފެދިފައިވާކަން އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް އޮތޯރިޓީއަށް ގަބޫލުކުރެވުން. އެގޮތުން، އޭނާ އިނދެގެންއުޅޭ މީހާއާއި، އޭނާގެ ދަރިން (އުފަންދަރިންނާއި ދޮންދަރިން ވެސް ހިމެނޭ ގޮތަށް) ނާއި، އޭނާ ސީދާ ބަލަހައްޓަމުންދާ މީހުންގެ މަސްލަހަތު ފުށުއެރުމަކީ އެ ފަރާތުގެ މަސްލަހަތު ފުށުއެރުން ކަމުގައި ބެލެވޭނެއެވެ.

(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފުށުއެރުންތައް ހުރިތޯ ބެލުމަށް ޓަކައި، އޮޑިޓް ޕެނަލަށް އައްޔަނުކުރުމުގެ ކުރިން، އޮތޯރިޓީން އެ މީހަކާ އިންޓަވިއު ކުރަންވާނެއެވެ. އަދި ފުށުއެރުމެއް އޮތް ކަމަށް ނުވަތަ ނެތްކަމަށް އޮތޯރިޓީން ނިންމަންވާނީ، އިންޓަވިއުން ލިބޭ މައުލޫމާތުތައް ސައްހަތޯ ބެލުމަށް ގުޅަންޖެހޭ ފަރާތެއް ވާނަމަ އެ ގޮތަށް ބެލުމަށްފަހުގައެވެ.

(ޅ) އޮޑިޓް ޕެނަލުގެ މެންބަރުކަމަށް ކުރިމަތިލާ މީހުން ނުވަތަ ކުރިމަތިނުލިޔަސް އައްޔަނުކުރާ މީހުން، އައްޔަނުކުރުމުގެ ކުރިން، މަސްލަހަތުގެ ފުރުއެރުން ނެތްކަން ބަޔާންކޮށް، "Interest of Conflict No of Declaration "މި ނަން ކިޔާ އިގްރާރުގައި ސޮއިކުރަންވާނެއެވެ. މި އިގްރާރުގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައި އެވާ މަސްލަހަތު ފުށުއެރުންތައް ހުރިކަން ނުވަތަ ނެތްކަން އެނގެން އޮންނަންވާނެއެވެ.

(ކ) އޮޑިޓް ޕެނަލުގައި ހިމެނޭ މެންބަރުންނަކީ، އޮޑިޓްކުރާ މަރުކަޒަކާ މަސްލަހަތު ފުށުއަރާ މީހެއް ނުވަތަ މީހުންކަމަށް އެ މަރުކަޒަކުން ދެކޭނަމަ، އައްޔަނުކުރި އޮޑިޓް ޕެނަލުގެ މައުލޫމާތު އޮތޯރިޓީން ދޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެކަން ލިޔުމުން އޮތޯރިޓީއަށްއަންގަންވާނެވެ. މިގޮތަށް ހުށަހަޅަންވާނީ، މަގްބޫލު ސަބަބުތަކާއެކު ހެއްކާއި، ގަރީނާއާއެކު، މައިގަނޑުގޮތެއްގައި މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފުށުއެރުންތައް ހުރިނަމައެވެ. މިގޮތަށް ހުށަނާޅައިފިނަމަ ބެލެވޭނީ، އެފަދަ މަސްލަހަތު ފުށުއެރުމެއް ނެތްކަމަށެވެ. އަދި މި އަކުރުގައި ބުނެފައިވާ ގޮތަށް ހެއްކާއި ގަރީނާ ހުށަހަޅައިފިނަމަ، އޮތޯރިޓީން އެ ފަރާތެއް ކޮމިޓީގައި ހިމެނުމަށް ނުވަތަ އައްޔަނުކުރުމަށް ނިންމި ނިންމުން މުރާޖާކޮށްފައި ގޮތެއް ކަނޑައަޅަން ޖެހޭނެއެވެ.

 

10 ވަނަ މާއްދާ - އިންސްޓިޓިއުށަނަލް އޮޑިޓްކުރުމަށް ނަގާ ފީ

ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ރ) ގައި އޮތޯރިޓީއަށް ލިބިދީފައިވާ ބާރުގެ ދަށުން، ތިރީގައިވާ އުސޫލުން އިންސްޓިޓިއުށަނަލް އޮޑިޓްކުރުމަށް ފީއެއް ނަގަންވާނެއެވެ.

(ހ) އޮތޯރިޓީއާއި އެ ހިދުމަތް ހޯދާ މަރުކަޒާ ދެމެދު އޮޑިޓްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފީ، އޮތޯރިޓީއަށް ދައްކަންވާނެއެވެ.

(ށ) އިންސްޓިޓިއުށަނަލް އޮޑިޓް ކުރުމަށް ނެގުމަށް ހަމަޖެހިފައިވަނީ، މާލީ ވުޒާރާއިން ފާސްކޮށްފައިވާ ތިރީގައިވާ ފީތަކެވެ.

  1. ޔުނިވަރސިޓީއެއް ނަމަ، 37،500 (ތިރީސް ހަތްހާސް ފަސްސަތޭކަ) ރުފިޔާ؛
  2. ކޮލެޖެއް ނަމަ، 26،500 (ސައްބީސްހާސް ފަސްސަތޭކަ) ރުފިޔާ؛
  3. އިންސްޓިޓިއުޓެއް ނަމަ، 17،500 (ސަތާރަހާސް ފަސްސަތޭކަ) ރުފިޔާ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފީގެ އިތުރަށް، މާލެ ފިޔަވައި އެހެން ރަށްރަށުގައި ހުންނަ މަރުކަޒުތަކާއި، ކެމްޕަސްތަކުގެ އެކްސްޓާނަލް އޮޑިޓްކުރުމަށް ދަތުރުކުރާ މެންބަރުންގެ ހުރުމާއި ކެއުމަށް ހިނގާ ހަރަދު، އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތީން،އޮޑިޓްކުރާ މަރުކަޒަކުން ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ށ) އާއި، (ނ) ގައި ބަޔާންކޮށްފައިވާ ފީތަކާއި ހަރަދުތަކުގެ އިތުރަށް، ވަޔާއި، ކަނޑާއި، އެއްގަމު މަގުން ކުރާ ދަތުރުތަކުގެ ހަރަދު އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތީން، އޮޑިޓްކުރާ މަރުކަޒަކުން ދޭންވާނެއެވެ. މި ހަރަދުތައް ކަނޑައަޅާނީ، ދަތުރުކުރާ ސަރަހައްދަށް ބަލައި، އެ ސަރަ ހައްދުތަކަށް އެ އިރެއްގައި ހުންނަ ރޭޓްތަކަށް ރިއާޔަތް ކުރުމަށް ފަހުގައެވެ.

(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އޮޑިޓް ފީއާއެކު، މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ހަރަދާއެކު، އޮޑިޓް ކުރުމަށް ހިނގާ ޖުމުލަ ހަރަދުގެ ތަފުސީ ލު މަރުކަޒުތަކާ ހިއްސާކުރާނީ، ސެލްފް އިވެލުއޭށަން ރިޕޯޓު ހުށަހެޅުމުންނެވެ.

 

11 ވަނަ މާއްދާ - "ރޭޓިންގ"

ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް އޮޑިޓް ކުރުމަށް ޓަކައި، އަދި އޮޑިޓުން ފޯރުކޮށްދޭ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ތަސައްވުރު އާންމުންނަށް އެނގޭނޭހެން އާންމު ކުރުމަށް ޓަކައި، އިންސްޓިޓިއުށަނަލް އޮޑިޓް ގައިޑްލައިނުގައި ބަޔާންކޮށް ކަނޑައަޅައިފައިވާ ގޮތުގެ މަތީން، އޮޑިޓްކުރާ ކޮންމެ މަރުކަޒެއް ވެސް ރޭޓްކޮށް، އޮޑިޓް ރިޕޯޓުގައި އެ މައުލޫމާތު ހިމަނަންވާނެއެވެ.

 

12 ވަނަ މާއްދާ - ޔައުމިއްޔާއާއި ރިކޯޑު ބެލެހެއްޓުން

(ހ) ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ އިންސްޓިޓިއުށަނަލް އޮޑިޓް ކުރާ މަރުކަޒުތަކާއެކު ކުރާ ހުރިހާ މުއާމަލާތްތައް ލިޔެ ބަލަހައްޓަންވާނެއެވެ. އަދި ހުރިހާ މުއާމަލާތެއް ކުރަންވާނީ ލިޔެކިޔުމުންނެވެ.

(ށ) އިންސްޓިޓިއުށަނަލް އޮޑިޓްކުރާ މަރުކަޒަކާއެކު ބާއްވާ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ ލިޔެ، އޮތޯރިޓީގެ ކަމާބެހޭ ސެކްށަނުގެ އިސް ވެރިޔަކު ސޮއިކުރުމަށްފަހު، ފަސޭހައިންފެންނާނޭ ގޮތެއްގެ މަތީން އޮތޯރިޓީން ބަލަހައްޓަންވާނެއެވެ.

(ނ) ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ އިންސްޓިޓިއުށަނަލް އޮޑިޓްކުރާ މަރުކަޒަކާއެކު ބާއްވާ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ އެ މަރުކަޒަކާ ހިއް ސާ ކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - އިންސްޓިޓިއުށަނަލް އޮޑިޓް ރިޕޯޓުތައް ފާސްކުރުން

(ހ) އިންސްޓިޓިއުށަނަލް އޮޑިޓްކުރާ މަރުކަޒަކުތަކުގެ އިންސްޓިޓިއުށަނަލް އޮޑިޓް ރިޕޯޓު ފާސްކުރެވޭނީ އޮތޯރިޓީގެ ބޯޑުންނެވެ.

(ށ) އޮޑިޓް ޕެނެލުން އޮޑިޓް ރިޕޯޓު ނިންމައިފައި، އޮތޯރިޓީއަށް ހުށަހަޅާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ބޯޑަށް ހުށަހަޅައި ފާސްކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - އިންސްޓިޓިއުށަނަލް އޮޑިޓް ރިޕޯޓުތައް ށާއިއުކޮށް އާންމުކުރުން

(ހ) ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ތެރެއިން އިންސްޓިޓިއުށަނަލް އޮޑިޓްކުރާމަރުކަޒުތަކުގެ އިންސްޓިޓިއުށަނަލް އޮޑިޓް ރިޕޯޓް ބޯޑުން ފާސްކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ މަރުކަޒަކާ ހިއްސާކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އޮތޯރިޓީގެ ބޯޑުން ފާސްކުރާ އިންސްޓިޓިއުށަނަލް އޮޑިޓް ރިޕޯޓުތައް ބޯޑުން ފާސްކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އޮތޯރިޓީގެ ވެބްސައިޓުގައި އޮތޯރިޓީން ށާއިއުކޮށް އާންމުކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ފިޔަވަޅު އެޅުން

ދިވެހިރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒުތަކުގެ އިންސްޓިޓިއުށަނަލް އޮޑިޓް ކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތަކުން، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އޮޑިޓްކުރުމުގައި އެއްބާރުލުން ނުދޭނަމަ، ނުވަތަ އެއްބާރުލުން ދިނުމަށް އިންކާރުކޮށްފިނަމަ، ނުވަތަ ތިރީގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ކަމެއް ކޮށްފިނަމަ، ތިރީގައިވާ ފިޔަވަޅުތައް އަޅަންވާނެއެވެ.

(ހ) ސެލްފް އިވެލުއޭށަން ރިޕޯޓު ހުށަހެޅުމަށް އަންގާ ތާރީހުގައި އެ ރިޕޯޓު ހުށަނޭޅުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެލްފް އިވެލުއޭށަން ރިޕޯޓު ހުށަހަޅަން އަންގައިފައިވާ ތާރީހުގައި ހުށަނާޅައިފިނަމަ، އިތުރު 1 (އެކެއް) މަސްދުވަހުގެ ފުރުސަތެއް ދީ، އެކަން އެ ފަރާތަށް އެންގުމަށް ޓަކައި ސިޓީއެއް ފޮނުވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ދޭ ފުރުސަތުގައި ވެސް ސެލްފް އިވެލުއޭށަން ހުށަނާޅައިފިނަމަ، އޮޑިޓް ކުރިޔަށް ގެންދިއުމަށް އެއްބާރުލުން ނުދިނީކަމަށް ބަލައި، އެ މަރުކަޒެއް 10،000 (ދިހަހާސް)  ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

(ރ) މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފީއާއި އެހެނިހެން ހަރަދުތައް އޮތޯރިޓީން ކަނޑައަޅާ މުއްދަތުގައި އޮތޯރިޓީއަށް ނުދައްކައިފިނަމަ ބެލެވޭނީ، އޮޑިޓްކުރުމަށް އެއްބާރުލުން ނުދިންކަމަށެވެ. އަދި ފީ ދެއްކުމަށް ދޭ އިތުރު 15 (ފަނަރަ) ދުވަހުގެ ތެރޭގައި ވެސް ފީ ނުދައްކައިފި ނަމަ، 10،000 (ދިހަހާސް) ރުފިޔާއިން ޖުރިމަނާ ކުރަންވާނެއެވެ.

(ބ) މި ގަވާއިދުގެ ދަށުން އެއްބާރުލުން ނުދީގެން ޖުރިމަނާކުރާ މަރުކަޒުތަކަށް އިތުރު ޕްރޮގްރާމްތައް ހިންގުމުގެ ހުއްދަ ނުވަތަ އެކްރެޑިޓޭށަން 3 (ތިނެއް) އަހަރުދުވަސް ވަންދެން މެދުކަނޑައިލެވޭނެއެވެ. އަދި އިތުރު ޕްރޮގްރާމެއްގެ އެކްރެޑިޓޭށަނަށް އެދި އަލުން ހުށަހެޅޭނީ، 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަކަށް ފަހުގަ އެވެ.

(ޅ) އޮޑިޓްކުރުމުގެ ތެރޭގައި، އޮޑިޓްކުރާ މަރުކަޒަކުން، އޮޑިޓް ޕެނެލަށާއި، އޮތޯރިޓީއަށް އެއްބާރުލުން ނުދީފިނަމަ، އެ މަރުކަޒަކަށް އޮތޯރިޓީން ސިޓީއަކުން އެކަން އަންގަންވާނެއެވެ. އެ ސިޓީގައި، ދިމާވި މައްސަލަތަކާއި، އެ ކަންކަން ރަނގަޅުކުރުމަށް 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ދީފައި އެކަން އަންގަންވާނެއެވެ. މިގޮތަށް ފޮނުވާ ސިޓީ މިނިސްޓްރީއަށް ކޮޕީކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައިވާ މައްސަލަތައް ދިމާވެގެން ސިޓީ ފޮނުވުމުން ވެސް އެކަން ރަނގަޅުނުކޮށްފިނަމަ، އެހިސާބުން އޮޑިޓްކުރުމުގެ "ސައިޓް ވިޒިޓް" ހުއްޓައިލައި، ހުއްޓައިލިކަން (މިނިސްޓްރީއަށް ކޮޕީކޮށް) ސިޓީއަކުން އެ މަރުކަޒަކަށް އެންގުމަށްފަހު، ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އޮޑިޓް ރިޕޯޓު ތައްޔާރުކުރަން ވާނެއެވެ.

(އ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެ މަރުކަޒަކުން އެއްބާރުލުން ނުދޭނަމަ ފިޔަވަޅުއަޅާނީ، އެ އޮޑިޓުގެ އޮޑިޓް ޕެނަލުގެ ޗެއަރ، ބަޔާނަކުން ނުވަތަ ސިޓީއަކުން އޮތޯރިޓީއަށް އެކަން އެންގުމުންނެވެ. މީގެ އިތުރަށް، އޮޑިޓް ޕެނަލުގައި ހިމެނޭ އޮތޯރިޓީގެ މުވައްޒަފަށް އެ ގޮތަށް އެ މަރުކަޒަކުން އެއްބާރުލުން ނުދޭކަމަށް ފާހަގަކުރެވިއްޖެނަމަ، އެ މުވައްޒަފަކު އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) އަށް ހުށަހެޅުމުން ވެސް، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅު އެޅިދާނެއެވެ.

(ވ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެއްބާރުލުން ނުދޭ މަރުކަޒުތަކުގެ މައްސަލަ ބޯޑަށް ހުށަހަޅައި، ބޯޑުގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ، 8،000 (އަށްހާސް) ރުފިޔާއިން ޖުރިމަނާކުރުމަށް ބޯޑަށް ފާސްކުރެވިދާނެއެވެ. މި ގޮތަށް ބޯޑުން ފާސްވެއްޖެނަމަ، އެ މަރުކަޒަކަށް އެކަން އަންގަންވާނެއެވެ. މި މައްސަލަ ބޯޑަށް އެޖެންޑާކުރާނީ، އެ މަރުކަޒެއްގެ އޮޑިޓް ރިޕޯޓު ފާސްކުރުމަށް ބާއްވާ ބޯޑުގެ ބައްދަލުވުމަށެވެ.

(މ) މި މާއްދާގެ (ނ) އާއި، (ރ) އާއި، (ބ) ގައި ބަޔާންކޮށްފައިވާ ގޮތަށް އޮތޯރިޓީން އެޅުމަށް ނިންމާ ފިޔަވަޅާއެކު، މަރުކަޒުތައް ރަޖިސްޓަރީކޮށްދޭ އިދާރާ ކަމުގައިވާ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭށަނަށް ސިޓީއަކުން އޮތޯރިޓީން އަންގަންވާނެއެވެ.

(ފ) މި މާއްދާގެ (ނ) އާއި، (ރ) އާއި، (ބ) ގައި ބަޔާންކޮށްފައިވާ އެއްވެސް ފިޔަވަޅެއް އަޅަންވާނީ، އިންސްޓިޓިއުށަނަލް އޮޑިޓް ލަސްކުރަންޖެހޭ ފަދަ އެއްވެސް އުޒުރުވެރި ސަބަބެއް ނުވަތަ މަޖުބޫރީ ހާލަތެއް ނެތްނަމައެވެ. އެފަދަ އުޒުރެއް އެ މަރުކަޒަކަށް ކުރިމަތިވެފައިވާ ނަމަ، އޮތޯރިޓިއަށް އެކަން ބަލައިގަނެވޭނީ، އެ ހާދިސާއަކަށްފަހު 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ މަރުކަޒަކުން އޮތޯރިޓީއަށް ލިޔުމުން އެކަން އަންގައި، ބޯޑަށް އެކަން ހުށަހަޅައި، ބޯޑުން އެކަން ގަބޫލުކޮށް ފާސްކުރުމުންނެވެ. މި ގޮތަށް ސަބަބު ބަޔާންކޮށް އެ މަރުކަޒަކުން އޮތޯރިޓީއަށް ލިޔުމުން އަންގާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ބޯޑަށް ހުށަހަޅަންވާނެއެވެ.

(ދ) މި މާއްދާގެ (ނ) އާއި (ރ) ގެ ދަށުން ކަނޑައަޅާ ޖުރިމަނާ އޮތޯރިޓީން އެކަމަށް ކަނޑައަޅާ އޮތޯރިޓީގެ އެކައުންޓަކަށް ނުވަތަ މާލީ ވުޒާރާއިން ކަނޑައަޅާ އެހެން އެކައުންޓަކަށް އެ ޖޫރިމަނާއެއް ކަނޑައަޅާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ޖަމާކުރަންވާނެއެވެ.

(ތ) 3) ތިނެއް) އަހަރުދުވަސް ފަހުން އެ މަރުކަޒެއް ދެން އޮޑިޓްކުރާއިރު، މި މާއްދާގެ (ނ) އާއި، (ރ) އާއި، (ޅ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަނުކޮށް، އެއްބާރުލުން ނުދިނުން ތަކުރާރުކޮށްފިނަމަ، ދަރިވަރުންނަށް ތައުލީމު ދިނުމަށް އެކަށީގެންނުވާ ތަނެއް ކަމަށް ބަލައި، އެ މަރުކަޒެއްގެ ރަޖިސްޓަރީ ބާތިލުކުރުމުގެ އިރުށާދާއެކު، 10 (ދިހައެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ސިޓީއަކުން އެކަން އަންގަންވާނެއެވެ.

 

16 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 7/2021)

 

މި ގަވާއިދުގެ ދަށުން ހެދިފައިވާ ގައިޑްލައިން

  1. މެނުއަލް ފޯރ ކޮންޑަކްޓިންގ އިންސްޓިޓިއުށަނަލް އޯޑިޓް (އެހެނިހެން ނަންބަރު 2022-31)
  2. ގައިޑްލައިން ފޯރ އިންސްޓިޓިއުށަނަލް އޮޑީޓް (އެހެނިހެން ނަންބަރު 2022-30)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު