-

 ޕްރޮގްރާމް އެކްރެޑިޓޭށަން ގަވާއިދު

(ގަވާއިދު ނަންބަރު 2022-77)

1 ވަނަ މާއްދާ - ތައާރުފާއި ނަން

މިއީ، ދިވެހިރާއްޖޭގައި ހިންގާ، މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ފެންވަރު ކަށަވަރުކުރުމަށާއި، އެ ޕްރޮގްރާމްތައް ފަރުމާކޮށްފައިވަނީ ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި، އުސޫލުތަކާއި، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ކަނޑައަޅައިފައިވާ ފެންވަރާއި އުސޫލާ އެއްގޮތަށްކަން ކަށަވަރުކުރުމުގެ ގޮތުން، އެ ޕްރޮގްރާމްތައް އެކްރެޑިޓްކުރާނެ ނިޒާމެއް ގާއިމްކޮށް، އެކްރެޑިޓޭށަނާބެހޭ އުސޫލުތައް ބަޔާން ކުރުމަށް ޓަކައި، ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާއިން ބާރުލިބިގެން، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ(ނޯޓް: މި މާއްދާގެ ސުރުހީއެއް ހިމެނިފައިނުވޭ)

މި ގަވާއިދަށް ކިޔާނީ، "ޕްރޮގްރާމް އެކްރެޑިޓޭށަން ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދުތައް

މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ޕްރޮގްރާމް އެކްރެޑިޓްކުރުމުގެ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި އާންމުކުރުން.

(ށ) މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް ހާޒިރުވާ ގޮތަށް ކިޔަވައިދޭ، މަތީ ތައުލީމުގެ ޕްރޮގްރާމްތަކާއި، އީ-ލަރނިންގއާއި، ބްލެންޑެޑް ލާރނިން ގއިން ކިޔަވައިދޭ، މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމުގެ ގަވާއިދު ކަނޑައެޅުން.

 

4 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައި އެވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ނުވަތަ "އެމް.ކިއު.އޭ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ އަށެވެ.

(ށ) "އެމް.އެން.ކިއު.އެފް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވަރކް" (ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު) އަށެވެ.

(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ރ) "މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނު ދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކަށެވެ.

(ބ) "މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު" ނުވަތަ "ބޯޑު" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ މަގުސަދު ހާސިލުކުރުމަށާއި، އެ އޮތޯރިޓީއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބޭނުންވާ ލަފާ ދިނުމަށް، ގާނޫނު ނަންބަރު 2021-07  (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ ދަށުން އައްޔަނުކުރާ އެޑްވައިޒަރީ ބޯޑަށެވެ.

(ޅ) "ޕްރޮގްރާމް އެކްރެޑިޓޭށަން" ނުވަތަ "އެކްރެޑިޓޭށަން" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ދިވެހިރާއްޖޭގައި ހިންގުމަށް ގަސްތުކުރާ ޕްރޮގްރާމްތަކުގެ ފެންވަރު ވަޒަންކޮށް، އެ ޕްރޮގްރާމްތައް ފަރުމާކޮށްފައިވަނީ ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި، އުސޫލުތަކާއި، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ކަނޑައަޅައިފައިވާ ފެންވަރާއި އުސޫލާ އެއްގޮތަށްކަން ކަށަވަރުކުރުމާއެކު، އެ ޕްރޮގްރާމްތައް ހިންގުމަށް މި ގަވާއިދުގެ ދަށުން މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ހުއްދަ ދިނުމުގެ މަސައްކަތަށެވެ.

(ކ) "ޕްރޮގްރާމް" ކަމަށް ބުނެފައި އެ ވަނީ، އެމް.ކިއު.އޭ. އިން އެކްރެޑިޓްކުރާ މަތީ ތައުލީމުގެ ޕްރޮގްރާމްތަކަށެވެ.

(އ) "ޑެލިވަރީ މޮޑަލިޓީ" ކަމަށް ބުނެފައި އެވަނީ، އެމް.ކިއު.އޭ. އިން އެކްރެޑިޓްކުރާ، މަތީ ތައުލީމުގެ ޕްރޮގްރާމްތައް ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންކުރާ ގޮތްތަކަށެވެ.

 

5 ވަނަ މާއްދާ - ޕްރޮގްރާމްތައް ހިންގުން

(ހ) ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގަންވާނީ، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ އެންމެހައި ގަވާއިދުތަކާއި، އުސޫލުތަކާއި، މިންގަނޑުތަކާއި، ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމް ހިންގުމުގެ ކުރިން، މި ގަވާއިދާއި، އޮތޯރިޓީން އާންމުކޮށްފައިވާ އެހެނިހެން ގަވާއިދުތަކާއި، އުސޫލުތަކާއި، ގައިޑްލައިންތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕްރޮގްރާމް އެކްރެޑިޓް ކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ޕްރޮގްރާމް އެކްރެޑިޓޭށަނަށްހުށަހެޅޭނެ ފަރާތްތައް

ޕްރޮގްރާމް އެކްރެޑިޓޭށަނަށް، އޮތޯރިޓީއަށް ހުށަހެޅޭނީ، ތިރީގައިވާ ފަރާތްތަކަށެވެ.

(ހ) ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމް ހިންގުމަށް ބޭނުންވާ އެކްރެޑިޓޭށަން ހޯދުމަށް، އޮތޯރިޓީއަށް ހުށަހަޅަންވާނީ، މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކުންނެވެ.

(ށ) ދިވެހިރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކަށް ނުވަތަ ކޮލެޖަކަށް ނުވަތަ އިންސްޓިޓިއުޓަކަށް ނުވަތަ ޔުނިވަރސިޓީއެއްގެ ކެމްޕަހެއް ނުވަތަ ބްރާންޗަކަށް ވިޔަސް، ދިވެހިރާއްޖޭގައި މަތީ ތައުލީމުގެ ޕްރޮގްރާމެއް ހިންގޭނީ، މިނިސްޓްރީގައި ރަޖިސްޓަރީކޮށް، އޮތޯރިޓީއަށް ހުށަހަޅައިގެން އެކްރެޑިޓޭށަން ލިބޭ މަރުކަޒުތަކަށެވެ.

 

7 ވަނަ މާއްދާ - ޕްރޮގްރާމް އެކްރެޑިޓޭށަންގެ މުއްދަތު

(ހ) މަތީ ތައުލީމުގެ ޕްރޮގްރާމެއް ހިންގުމަށް އޮތޯރިޓީން ދޭ އެކްރެޑިޓޭށަންގެ މުއްދަތަކީ، 5 (ފަހެއް) އަހަރުދުވަހެވެ.

(ށ) މި ގަވާއިދުގެ ދަށުން ޕްރޮގްރާމް އެކްރެޑިޓޭށަން ފަށާ ތާރީހުގެ ކުރިން، ފާއިތުވެދިޔަ 7 (ހަތެއް) އަހަރުދުވަހުގެ ތެރޭގައި، އެމް.ކިއު.އޭ. އިން ހުއްދަ ދިނުމަށްފަހު ހިންގަން ފަށައިފައިނުވާ ޕްރޮގްރާމްތަކަށް ދޫކޮށްފައިވާ ހުއްދަ، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ބާތިލުވާނެއެވެ.

 

8 ވަނަ މާއްދާ - ޕްރޮގްރާމް އެކްރެޑިޓޭށަނަށް ހުށަހެޅުން

ޕްރޮގްރާމް އެކްރެޑިޓޭށަނަށް ހުށަހަޅާއިރު، ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

(ހ) ޕްރޮގްރާމް އެކްރެޑިޓޭށަނަށް އޮތޯރިޓީން ހާއްސަކޮށްފައިވާ އެޕްލިކޭށަން ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް.

(ށ) އެމް.ކިޔު.އޭ. އިން ށާއިއުކޮށްފައިވާ "އެކްރެޑިޓޭށަން ގައިޑްލައިން" އާ އެއްގޮތްވާ ގޮތުގެ މަތީން ތައްޔާރުކޮށްފައިވާ ޕްރޮގްރާމް ޑޮކިއުމަންޓް.

(ނ) ޕްރޮގްރާމް ޑޮކިއުމަންޓާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ނުވަތަ ޕްރޮގްރާމް ޑޮކިއުމަންޓުގައި ދީފައިވާ މައުލޫމާތުގެ ސައްހަކަން ސާބިތުކުރުމަށް ހުށަހަޅާ ސަޕޯޓިންގ ލިޔެކިޔުންތައް.

(ރ) ވަޒީފާގެ ތަމްރީނުގެ ބައި ނުވަތަ ޕްރެކްޓިކަލް ބައި ފުރިހަމަކުރުމުގެ އިންތިޒާމު ހިމެނޭ ޕްރޮގްރާމެއް ނަމަ، އެ ގޮތަށް ހަމަޖައްސައިދީފައިވާ ގޮތުގެ ތަފުސީލުތައް.

 

9 ވަނަ މާއްދާ - އެކްރެޑިޓޭށަން އައުކުރުން

(ހ) މަތީ ތައުލީމުގެ ޕްރޮގްރާމެއް ހިންގުމަށް އޮތޯރިޓީން ދޭ އެކްރެޑިޓޭށަންގެ މުއްދަތު ހަމަވުމަށްފަހު، އިތުރަށް އެ ޕްރޮގްރާމެއް ހިންގޭނީ، ޕްރޮގްރާމް އެކްރެޑިޓޭށަން ގައިޑްލައިނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެކްރެޑިޓޭށަން އައުކުރުމަށް (ރިނިއު ކުރުމަށް) ހުށަހަޅައި، އަލުން އެކްރެޑިޓޭށަން ލިބިގެންނެވެ.

(ށ) އެކްރެޑިޓޭށަން ލިބިފައިވާ މަތީ ތައުލީމުގެ ޕްރޮގްރާމެއްގެ އެކްރެޑިޓޭށަން މުއްދަތު ހަމަވުމަށްފަހު އިތުރަށް އެ ޕްރޮގްރާމެއް ހިންގަން ބޭނުންނަމަ، އެކްރެޑިޓޭށަން އައުކުރުމަށް (ރިނިއު ކުރުމަށް) އެކްރެޑިޓޭށަން މުއްދަތު ހަމަވުމުގެ ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ކުރިން އޮތޯރިޓީއަށް، އެކަމަށް ހާއްސަ ފޯމާއި ލިޔުންތަކާއެކު ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެކްރެޑިޓޭށަން އައުކުރަންޖެހޭ މުއްދަތުގައި އެކްރެޑިޓޭށަން އައުކުރުމަށް ހުށަހަޅައިފައި ނުވާނަމަ، އެކްރެޑިޓޭށަން ދީފައިވާ 5) ފަހެއް) އަހަރުދުވަސް ހަމަވުމުން އިތުރަކަށް އެ ޕްރޮގްރާމެއް ނުހިންގޭނެއެވެ.

 

10 ވަނަ މާއްދާ - ޕްރޮގްރާމް ޑޮކިޔުމަންޓް

(ހ) ޕްރޮގްރާމް ޑޮކިޔުމަންޓް ތައްޔާރުކޮށްފައި އޮންނަންވާނީ، އެމް.ކިއު.އޭ. ގެ ޕްރޮގްރާމް އެކްރެޑިޓޭށަން ގައިޑްލައިނާ އެއްގޮތަށެވެ.

(ށ) ޕްރޮގްރާމް ޑޮކިޔުމަންޓާއެކު، ފުރިހަމަކޮށްފައިވާ "ޕްރޮގްރާމް އެކްރެޑިޓޭށަން އެޕްލިކޭށަން ފޯމު" ހުށަހަޅަންވާނެއެވެ.

(ނ) ޕްރޮގްރާމް އެކްރެޑިޓޭށަނަށް ހުށަޅާއިރު، ޕްރޮގްރާމް ޑޮކިޔުމަންޓުގެ ސޮފްޓް ކޮޕީ، ޕީޑީއެފް ފައިލެއްގެ ގޮތުގައި ހުށަހަޅަންވާނެއެވެ.

 

11 ވަނަ މާއްދާ - ޑެލިވަރީ މޮޑަލިޓީ

(ހ) މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތަކަށް ހާޒިރުވާ ގޮތަށާއި، ހާޒިރުނުވާ ގޮތަށާއި، މި ދެބައި ހިމެނޭ ގޮތަށް ކިޔަވައިދޭ "ބްލެންޑެޑް ލަރނިންގ" އަށް ކިޔަވައިދޭ ޕްރޮގްރާމްތަކުގެ އެކްރެޑިޓޭށަންގެ މިންގަޑުތަކަކީ ވެސް އެމް.ކިއު.އޭ. އިން ށާއިއުކޮށްފައިވާ "ޕްރޮގްރާމް އެކްރެޑިޓޭށަން ގައިޑްލައިން" ގައިވާ މިންގަނޑުތަކެވެ. އެފަދަ ޕްރޮގްރާމްތަކަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެކްރެޑިޓޭށަންއާބެހޭ އުސޫލުތަކާއި، އެހެނިހެން އުސޫލުތައް ހިނގާނެވެ.

(ށ) ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ، ގަވާއިދު ނަންބަރު 2022-76 (މަތީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގުމާބެހޭ ގަވާއިދު) އާއި، އޮތޯރިޓީގެ "އީ-ލަރނިންގ ގައިޑްލައިން" ގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި މިންގަނޑުތަކަކީ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން، އެ މަރުކަޒުތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭ ޕްރޮގްރާމްތަކާއި، ހާޒިރު ނުވާގޮތަށް ހިންގާ އީ-ލާރނިންގ ޕްރޮގްރާމްތަކާއި، މި ދެބައި ހިމެނޭގޮތުން އެ މަރުކަޒުތަކުން ހިންގާ "ބްލެންޑެޑް ލާރނިންގ" ޕްރޮގްރާމްތަކުގައި ކޮންމެހެން ހިމެނެންޖެހޭ އުސޫލުތަކާއި މިންގަނޑުތަކެވެ.

 

12 ވަނަ މާއްދާ - ޕްރޮގްރާމް އެކްރެޑިޓޭށަނަށް ހުށަހަޅާ އެޕްލިކޭށަނާއި ޕްރޮގްރާމް ޑޮކިއުމެންޓް ރިވިއުކުރުން

ޕްރޮގްރާމް އެކްރެޑިޓޭށަނަށް ހުށަހަޅާ އެޕްލިކޭށަނާއި ޕްރޮގްރާމް ޑޮކިއުމެންޓް ރިވިއުކުރުމުގައި 
އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) ޕްރޮގްރާމް ޑޮކި ޔުމަންޓް ރިވިއުކުރާނީ، ދެ ބަޔަކަށް ބަހައިލައިގެންނެވެ. އެއީ، ތިރީގައި ބަޔާންކޮށްފައިވާ ދެބައެވެ.

  1. ޕްރޮގްރާމް ޑޮކިޔުމަންޓުގައި ހިމެނޭ ޕްރޮގްރާމުގައި ކިޔަވައިދޭ މުގައްރަރު ނުވަތަ މާއްދާތަކާއި މާއްދާތަކުގެ ތަފުސީލު؛
  2. ޕްރޮގްރާމް ޑޮކިޔުމަންޓުގައި ހިމެނޭ މުގައްރަރު ފިޔަވައި ދެން ހުރިބައިތައް.

(ށ) ޕްރޮގްރާމް އެކްރެޑިޓޭށަނަށް ހުށަހަޅާ ޑޮއިކުމެންޓުގެ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބައިތައް ރިވިއުކުރުމުގައި އެމް.ކިއު.އޭ. ގެ މުވައްޒަފުންގެ ތެރެއިން އެ މަސައްކަތްކުރުމަށް އިސްކަންދޭންވާނެއެވެ.

(ނ) ޕްރޮގްރާމް ޑޮކިޔުމަންޓުގައިވާ ޕްރޮގްރާމުގެ މުގައްރަރު ރިވިއުކުރާ ސަބްޖެކްޓް ސްޕެށަލިސްޓުންގެ ތެރޭގައި ހިމެނޭނީ، ޕްރޮގްރާމުގެ ދާއިރާއިން، އެންމެ ދަށްވެގެން ވެސް،އެމް.ކިއު.އޭ ގަބޫލުކުރާ މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތްތަކެވެ.

(ރ) ޕްރޮގްރާމުގެ ދާއިރާއިން މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލެވެލްގެ ފަރާތެއް ލިބެން ނެތްނަމަ، ތިރީގައިވާ ށަރުތު ހަމަވާ ފަރާތްތައް، ސަބްޖެކްޓް ސްޕެށަލިސްޓުންގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ.

  1. އެމް.އެން.ކިއު.އެފް ލެވެލް 1 އިން ފެށިގެން ލެވެލް 3 އާ ދެމެދުގެ ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެއް ރިވިއުކުރުމަށް، އެންމެ ދަށްވެގެން ވެސް، އެމް.ކިއު.އޭ ގަބޫލުކުރާ އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ޑިޕްލޮމާ ހާސިލުކޮށްފައިވުން؛
  2. އެމް.އެން.ކިއު.އެފް ލެވެލް 4 އިން ފެށިގެން ލެވެލް 6 އާ ދެމެދުގެ ޕްރޮގްރާމެއް ރިވިއުކުރުމަށް، އެންމެ ދަށްވެގެން ވެސް، އެމް.ކިއު.އޭ ގަބޫލުކުރާ ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން.
  3. މި މާއްދާގެ (ރ) ގެ (1 (ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފެންވަރުގެ ފަރާތެއް ލިބެން ނެތް ހާލަތެއްގައި، އެ ޕްރޮގްރާމުގެ ލެވެލްގެ ސަނަދަކާއެކު، ޕްރޮގްރާމާ ގުޅޭ 1 (އެކެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތެއް ނުވަތަ ޕްރޮގްރާމުގެ ލެވެލްގެ ސަނަދަކާއެކު ޓްރެއިނިންގ އޮފް ޓްރޭނަރސް ޕްރޮގްރާމެއް ހަދައިފައިވާ ފަރާތެއް އައްޔަނު ކުރެވިދާނެއެވެ.

(ބ) އެކްރެޑިޓޭށަނަށް ހުށަހަޅާ ޕްރޮގްރާމަކީ، ބައިނަލްއަގްވާމީ ސަނަދެއް ލިބޭ ޕްރޮގްރާމެއް ނަމަ، އެ ގައުމެއްގެ ކަމާބެހޭ އިދާރާއަކުން ޕްރޮގްރާމް ހިންގުމަށް ދޫކޮށްފައިވާ،މުއްދަތު ހަމަނުވާ، ސައްހަ ހުއްދައެއް ނުވަތަ އެކްރެޑިޓޭށަނެއް ލިބިފައި އޮންނަންވާނެއެވެ. މިފަދަ ޕްރޮގްރާމްތަކުގެ ޕްރޮގްރާމް ޑޮކިއުމަންޓުގެ ސަބްޖެކްޓް ކޮންޓެންޓުގެ ބައި ރިވިއުކުރުމަކާ ނުލައި ދެން ހުރި ބައިތައް ރިވިއުކުރުމަށްފަހު، އިސްލާހު ކުރަންޖެހޭ ކަމެއް ނެތް ނަމަ، އެ ގައުމަކުން ދޫކޮށްފައިވާ އެކްރެޑިޓޭށަނަށް ބިނާކޮށް، ދިވެހިރާއްޖޭގައި އެކްރެޑިޓޭށަން ދޫކުރުމުގެ އިހްތިޔާރު އެމް.ކިޔު.އޭ. އަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރެވެން ނެތް ހާލަތުގައި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައްތައް އެމް.ކިޔު.އޭ. ގެ މުވައްޒަފުންނަށް ރިވިއު ކުރުމަކަށް ހުރަހެއް ނެތެވެ.

 

13 ވަނަ މާއްދާ - ޕްރޮގްރާމް އެކްރެޑިޓޭށަނަށް ހުށަހަޅާ ޑޮކިއުމެންޓް އިސްލާހުކުރުން

(ހ) ޕްރޮގްރާމް އެކްރެޑިޓޭށަނަށް ހުށަހަޅާ ޑޮކިޔުމަންޓް ރިވިއު ކުރުމުގައި ފާހަގަކުރެވުނު ކަންކަން، ޕްރޮގްރާމް ޑޮކިޔުމަންޓް ހުށަހެޅި ފަރާތަށް އަންގައި، އެ ކަންކަން އިސްލާހުކޮށްފައި ޕްރޮގްރާމް ޑޮކިޔުމަންޓް އަލުން ހުށަހެޅުމަށް ފުރުސަތު ދެވޭނެއެވެ. އިސްލާހުކޮށްފައި ހުށަހަޅާ ޑޮކިޔުމަންޓް އަލުން ރިވިއުކޮށް މި ޕްރޮސީޖަރ އެންމެ ގިނަވެގެން ތަކުރާރުކުރެވޭނީ 3 (ތިނެއް) ފަހަރުއެވެ. މިގޮތަށް ޑޮކިއުމަންޓް އިސްލާހުކުރުމަށް އެމް.ކިއު.އޭ. އިން އަންގާ ގޮތަށް ޑޮކިއުމަންޓް އިސްލާހުނުކޮށް ހިނގާ މުއްދަތަކާ ގުޅިގެން ލިބޭ ނުވަތަ ލިބިދާނެ ގެއްލުންތަކަށް ޒިންމާވާނީ، އެ ޕްރޮގްރާމެއް އެކްރެޑިޓްކުރުމަށް ހުށަހަޅައިފައިވާ މަރުކަޒަކުންނެވެ.

(ށ) މި މާއްދާ ގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އިސްލާހުކުރުމަށް އެމް.ކިއު.އޭ. އިން 3 (ތިނެއް) ފުރުސަތު ދިނުމަށްފަހު ވެސް އިސްލާހު ނުކުރެވޭ ޕްރޮގްރާމްތައް އެކްރެޑިޓްކޮށްދިނުމަށް އަލުން ހުށަހެޅޭނީ، ޑޮކިއުމަންޓް އިސްލާހުކުރުމަށް އެ މާއްދާގެ ދަށުން އެންމެ ފަހު ފުރުސަތު ދޭ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ފަހުންނެވެ.

 

14 ވަނަ މާއްދާ - ޕްރޮގްރާމް އެކްރެޑިޓޭށަނަށް ހުށަހަޅާ ، މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒު

ޕްރޮގްރާމް އެކްރެޑިޓޭށަނަށް ހުށަހަޅާ، މަތީ ތައުލީމުދޭ މަރުކަޒަކީ، ތިރީގައިވާ ށަރުތުތައް ހަމަވާ 
ތަންތަން ކަމުގައި ވާންވާނެއެވެ.

(ހ) ޕްރޮގްރާމް ހިންގުމަށް ހުށަހަޅައިފައިވާ މަރުކަޒަކީ ދިވެހިރާއްޖޭގައި މަތީ ތައުލީމު ނުވަތަ ތަމްރީނު ދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ މަރުކަޒެއް ކަމުގައި ވާންވާނެއެވެ.

(ށ) ޕްރޮގްރާމް ނިމުމުން ސަނަދު ދޫކުރާ މަރުކަޒަކީ، ޕްރޮގްރާމް ހިންގާ މަރުކަޒުކަމުގައި ނުވާނަމަ، އެ މަރުކަޒަކީ ދިވެހިރާއްޖޭގައި މަތީ ތައުލީމު ދިނުމަށް ނުވަތަ ތަމްރީނު ދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ މަރުކަޒެއް ކަމުގައި ވާންވާނެއެވެ.

(ނ) ސަނަދު ދޫކުރާ މަރުކަޒަކީ، ރާއްޖެއިން ބޭރުގެ މަރުކަޒެއްނަމަ، އެ މަރުކަޒަކީ އެމް.ކިއު.އޭ. އިން ގަބޫލުކުރާ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މަރުކަޒެއް ކަމުގައި ވާންވާނެއެވެ.

(ރ) އެމް.ކިއު.އޭ. އިން ގަބޫލުކުރާ، ރާއްޖެއިން ބޭރުގެ މަރުކަޒެއްގައި ، ތިރީގައިވާ ށަރުތުތައް ފުރިހަމަވެފައި ހުންނަން ޖެހޭނެއެވެ.

  1. އެ މަރުކަޒު ހުންނަ ގައުމެއްގެ ސަރުކާރުގެ ކަމާބެހޭ މުއައްސަސާއެއްގައި، މަތީ ތައުލީމާއި ތަމްރީނު ދިނުމަށް، އެ ގައުމުގެ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ރަޖިސްޓަރީ ކޮށްފައިވާ މަރުކަޒެއް ކަމުގައި ވުން.
  2. އެ މަރުކަޒު ހުންނަ ގައުމެއްގެ ސަރުކާރުން ނުވަތަ ސަރުކާރު ގަބޫލުކުރާ މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު ކަށަވަރުކުރާ އިދާރާއަކުން ފެންވަރު ކަށަވަރުކުރާ ނުވަތަ ގަބޫލުކުރާ މަރުކަޒަކަށް ވުން.

 

15 ވަނަ މާއްދާ - ޕްރޮގްރާމަށް ވަނުމުގެ ށަރުތު

ޕްރޮގްރާމަށް ވަނުމުގެ ށަރުތުތައް ވާންވާނީ، އެމް.ކިއު.އޭ. އިން ށާއިއުކޮށްފައިވާ "މިނިމަމް އެންޓްރީ ފޮރ އެމް.އެން.ކިއު.އެފް ކޮލިފިކޭށަންސް" އާ އެއްގޮތް ށަރުތުތަކަކަށެވެ.

 

16 ވަނަ މާއްދާ - ޕްރޮގްރާމުގެ މުއްދަތު

ޕްރޮގްރާމުގެ މުއްދަތު ކަނޑައަޅަންވާނީ، އެމް.ކިއު.އޭ. އިން ށާއިއުކޮށްފައިވާ، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވަރކާ ތައާރަޒުނުވާ ގޮތެއްގެ މަތީންނެވެ.

 

17 ވަނަ މާއްދާ - އެޑްވާންސްޑް ސްޓޭންޑިންގ

ޕްރޮގްރާމުގެ ބަޔަކުން، ޕްރޮގްރާމުގެ ބައިވެރިންނަށް އެގްޒެމްޕްށަން ދޭނަމަ، އެ އެގްޒެމްޕްށަން ދޭ މިންވަރު އޮންނަންވާނީ، އެމް.ކިއު.އޭ. އިން ށާއިއުކޮށްފައިވާ "ޕްރޮގްރާމް އެކްރެޑިޓޭށަން ގައިޑްލައިން" ގައި ވާ ގޮތަށެވެ.

 

18 ވަނަ މާއްދާ - ދަރިވަރުން އެންރޯލްކުރުމާއި ކިޔަވައިދިނުން

އެމް.ކިއު.އޭ. އިން އެކްރެޑިޓްކުރާ، މަތީ ތައުލީމުގެ ޕްރޮގްރާމްތަކަށް ދަރިވަރުން އެންރޯލްކޮށް ކިޔަވައިދޭންވާނީ، "އީ-ލަރނިންގ ގައިޑްލައިން" އާއި، މިނިސްޓްރީން އާންމުކޮށްފައިވާ، ގަވާއިދު ނަންބަރު 2022-76 (މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމާ ބެހޭ ގަވާއިދު) އާއި،އެމް.ކިއު.އޭ. އިން އާންމުކޮށްފައިވާ، އުސޫލު ނަންބަރު 2022-06 (ދަރިވަރުން އެންރޯލްކުރު މާއި ކިޔަވައިދިނުމާ ބެހޭ އުސޫލު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

19 ވަނަ މާއްދާ - ޕްރޮގްރާމުގައި އިމްތިހާނު ކުރެވޭނެ ގޮތާއި ، ދަރިވަރުން ފާސްވާންޖެހޭނެ މިންވަރު

(ހ) ޕްރޮގްރާމުގައި ދަރިވަރުންގެ ފެންވަރު ވަޒަންކުރާނެ ގޮތްތަކާއި، ކޯހުން ދަރިވަރުން ފާސްވާނެ މިންގަނޑު ތަފުސީލުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ށ) ޕްރޮގްރާމުގައި ދަރިވަރުންގެ ފެންވަރު ވަޒަންކުރާނެ ގޮތް އޮންނަންވާނީ، އެމް.ކިއު.އޭ. ގެ "ޕްރޮގްރާމް އެކްރެޑިޓޭށަން ގައިޑްލައިން" ގައި ވާ މިންގަނޑުތަކާ އެއްގޮތަށެވެ.

 

20 ވަނަ މާއްދާ - ޕްރޮގްރާމުގައި ކިޔަވައިދޭ ލެކްޗަރަރއިންނާއި، ޕްރޮގްރާމުގެ ކޯޑިނޭޓަރުން

ޕްރޮގްރާމުގެ ކޯޑިނޭޓަރާއި ޕްރޮގްރާމުގައި ކިޔަވައިދޭ ލެކްޗަރަރއިންގެ ކިބައިގައި ހުންނަންޖެހޭ ތައުލީމީ ފެންވަރު، އެމް.ކިއު.އޭ. އިން ގަބޫލުކުރާ މިންވަރަށް ހުންނަންވާނެއެވެ. މިގޮތުން ޕްރޮގްރާމެއްގެ ކޯޑިނޭޓަރާއި ޕްރޮގްރާމުގައި ކިޔަވައިދޭ ފަރާތް ތަކުގައި ހުންނަންޖެހޭނެ ކަމަށް އެމް.ކިއު.އޭ. އިން ގަބޫލުކުރާ ތައުލީމީ ފެންވަރު ތިރީގައި މިވަނީއެވެ.

(ހ) އެމް.އެން.ކިއު.އެފް ލެވެލް 1 އާއި، ލެވެލް 2 އާއި، ލެވެލް 3 ގެ ޕްރޮގްރާމްތަކަށް،ޕްރޮގްރާމާ ގުޅޭ ދާއިރާއަކުން ދަށްވެގެން އެމް.އެން.ކިއު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެމް.އެން.ކިއު.އެފް ލެވެލް 1 ،2 ،3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 1 (އެކެއް) އަހަރުދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ (މަތީ ތައުލީމު ނުވަތަ ތަމްރީނު ދިނުމުގައި) ލިބިފައިވުން.

(ށ) އެމް.އެން.ކިއު.އެފް ލެވެލް 4 އާއި، ލެވެލް 5 އާއި، ލެވެލް 6 ގެ ޕްރޮގްރާމްތަކަށް ޕްރޮގްރާމާ ގުޅޭ ދާއިރާއަކުން ދަށްވެގެން އެމް.ކިއު.އޭ ގަބޫލުކުރާ ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ އެމް.އެން.ކިއު.އެފް ލެވެލް 4 ،5 ،6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 1 (އެކެއް) އަހަރުދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ (މަތީ ތައުލީމު ނުވަތަ ތަމްރީނު ދިނުމުގައި) ލިބިފައިވުން.

(ނ) އެމް.އެން.ކިއު.އެފް ލެވެލް 7 އާއި ލެވެލް 8 ގެ ޕްރޮގްރާމްތަކަށް ޕްރޮގްރާމާ ގުޅޭ ދާއިރާއަކުން ދަށްވެގެން އެމް.ކިއު.އޭ ގަބޫލުކުރާ މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ އެމް.އެން.ކިއު.އެފް ލެވެލް 7 އާއި 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 1 (އެކެއް) އަހަރުދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ (މަތީ ތައުލީމު ނުވަތަ ތަމްރީނު ދިނުމުގައި) ލިބިފައިވުން.

(ރ) މާސްޓަރސް ޑިގްރީއަށް ކިޔަވައިދޭނަމަ، ޕްރޮގްރާމާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑޮކްޓޯރަލް ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، 1  (އެކެއް) އަހަރުދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ (މަތީ ތައުލީމު ނުވަތަ ތަމްރީނު ދިނުމުގައި) ލިބިފައިވުން.

(ބ) ދިވެހިރާއްޖޭގައި މުޅިން އަލަށް ފަށާ، ދިވެހިރާއްޖެއަށް ހާއްސަ ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމުގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތައް ރާއްޖޭގައި އެއްގޮތަކަށްވެސް ނެތް އަދި ރާއްޖެއިން ބޭރުން ވެސް އެފަދަ ފަރާތްތައް ލިބުން ވަރަށް ދަތި ދާއިރާތަކުގެ ޕްރޮގްރާމް ކޯޑިނޭޓަރާއި ޕްރޮގްރާމުގައި ކިޔަވައިދޭ ފަރާތްތަކުގެ ގޮތުގައި ތައުލީމީ ފެންވަރު ނުވަތަ ތަމްރީނުގެ ފެންވަރު (މަތީގައި ބަޔާންކޮށްފައިވާ މިންވަރަށް) ނެތްކަމުގައި ވިޔަސް ބަލައިގަނެވިދާނެ ފަރާތްތައް ތިރީގައި މިވަނީއެވެ.

  1. ޕްރޮގްރާމާ ގުޅޭ ދާއިރާއިން ގައުމީ ފެންވަރެއްގައި މަސައްކަތް ކުރާތާ މަދުވެގެން 1 (އެކެއް) އަހަރުދުވަސް ވެފައިވާ ފަރާތްތައް؛
  2. ޕްރޮގްރާމުގެ މައިގަނޑު ދާއިރާއާ ގުޅުންހުރި މަސައްކަތް ނުވަތަ ހިދުމަތުގެ ތަންފީޒީ އިދާރާއެއްގައި މެނޭޖްމަންޓް ލެވެލްގައި ނުވަތަ ޓެކްނިކަލް ލެވެލްގައި (ސީދާ ޕްރޮގްރާމުގެ ސަބްޖެކްޓާ ގުޅުންހުރި މަސައްކަތުގައި) މަދުވެގެން 1 (އެކެއް) އަހަރުދުވަހު މަސައްކަތް ކޮށްފައިވާ ފަރާތްތައް.

(ޅ) މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި ލެކްޗަރަރއިންގެ ވަޒީފާ އަދާކުރާ ފަރާތްތަކަކީ، މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ކިޔަވައިދިނުމާއި، ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތައުލީމާއި، ތަމްރީނާއި، ފަންނީ ގާބިލުކަން ލިބުމާއެކު، އެފަދަ ޕްރޮގްރާމްތައް ދަރިވަރުންނަށް ކިޔަވައިދިނުމުގެ ފެންވަރާއި ގާބިލުކަން ހުރި ފަރާތްތައްކަން ކަށަވަރުކޮށް، މި މާއްދާގައި ބަޔާންކޮށްފައިވާ ށަރުތު ހަމަވާ ފަރާތްތައްކަން ޔަގީން ކުރުމަށް ޓަކައި، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި ލެކްޗަރަރއިންގެ ވަޒީފާ އަދާކުރާ ފަރާތްތަކުން އެމް.ކިއު.އޭ.އިން ކަނޑައަޅާ އިންތިޒާމެއްގެ ދަށުން ރަޖިސްޓަރީ ކުރަންވާނެއެވެ.

(ކ) މަތީ ތައުލީމު ދޭ މަރުކަޒުތަކުގެ ލެކްޗަރަރއިންގެ ގޮތުގައި ވަޒީފާ އަދާކުރެވޭނީ، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ.

 

21 ވަނަ މާއްދާ - ޕްރޮގްރާމުގައި އުނގަންނައިދޭ މިންވަރު

(ހ) ޕްރޮގްރާމުގައި އުނގަންނައިދޭ މިންވަރު ނުވަތަ ޕްރޮގްރާމުގެ ކޮންޓެންޓް، އެމް.ކިއު.އޭ. އިން ށާއިއުކޮށްފައިވާ އެމް.އެން.ކިޔު.އެފް. ގެ ލެވެލް ޑިސްކްރިޕްޓަރސްގައިވާ މިންވަރު ހާސިލުވާ ވަރަށް އޮންނަންވާނެއެވެ.

(ށ) ޕްރޮގްރާމުގެ ކޮންޓެންޓް ނުވަތަ ކިޔަވައިދޭނެ މިންވަރު އެމް.އެން.ކިޔު.އެފް ގައި އެ ލެވެލެއްގެ ޕްރޮގްރާމެއްގައި އޮންނަން ކަނޑައަޅައިފައިވާ މުއްދަތާ އެކަށީގެންވާ ވަރަށް އޮންނަންވާނެއެވެ. ޕްރޮގްރާމް ޑޮކިޔުމަންޓުގައި، ޕްރޮގްރާމުގެ ކޮންޓެންޓް ވަކިވަކި ސެށަންތަކުގައި ކިޔަވައިދޭނެ ނުވަތަ ދަރިވަރުން ހާސިލުކުރާނެ މިންވަރާއެކު ބަޔާންކޮށްފައި އޮންނަން ވާނެއެވެ.

 

22 ވަނަ މާއްދާ - ޕްރޮގްރާމުގައި އޮތުން ލާޒިމުކުރާ ޕްރެކްޓިކަލް ބައި

(ހ) ޕްރޮގްރާމުގައި ހިމެނޭ ވަޒީފާގެ ތަމްރީނު ނުވަތަ ޕްރެކްޓިކަލް ބައި ފުރިހަމަކުރުމުގެ އިންތިޒާމު، ޕްރޮގްރާމް ހިންގާ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

(ށ) ވަޒީފާގެ ތަމްރީނުގެ ބައިން ނުވަތަ ޕްރެކްޓިކަލް ބައިން ޕްރޮގްރާމުގެ ދާއިރާގައި ޕްރޮގްރާމުގެ ލެވެލަށް ގަބޫލުކުރެވޭ ފެންވަރުގެ ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ފަރާތްތަކަށް ވަޒީފާގެ ތަމްރީނުގެ ބައިން ނުވަތަ ޕްރެކްޓިކަލްގެ ބައިން، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާހާލަތްތަކުގައި އެގްޒެމްޕްށަން ދެވިދާނެއެވެ.

(ނ) ބައިވެރިވާ ޕްރޮގްރާމުގެ ދާއިރާގައި ޕްރޮގްރާމުގެ ލެވެލަށް ގަބޫލުކުރެވޭ ފެންވަރުގެ ފުލްޓައިމް ވަޒީފާއެއްގައި 3 (ތިނެއް) އަހަރުދުވަހު މަސައްކަތްކޮށް އެ މަސައްކަތްކުރާ މުވައްޒަފެއްގެ މަސައްކަތް ސުޕަރވައިޒްކޮށް ބަލަހައްޓާ މުވައްޒަފެއްގެ ގޮތުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި، 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެ މުވައްޒަފަކު ބަލަހައްޓާ މުވައްޒަފުންގެ ތެރެއިން މަދުވެގެން 3 (ތިނެއް) މުވައްޒަފުންގެ މަސައްކަތް 6 (ހައެއް) ފަހަރަށް އޮބްޒާރވްކޮށް ފީޑްބެކް ދީފައިވާ ފަރާތެއް ކަމުގެ ހެކި ލިބިފައިވުން. މިގޮތަށް އެގްޒެމްޕްށަން ދޭ ފަރާތްތަކުގެ ހުނަރާއި ތަޖުރިބާ، އިމްތިހާނަކުން ނުވަތަ އެސައިންމަންޓަކުން ނުވަތަ ޕްރޮޖެކްޓަކުން ނުވަތަ ޕްރެޒެންޓޭށަން ފަދަ މަސައްކަތެއް މެދުވެރިކޮށް ވަޒަން ކުރަންވާނެއެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ތަޖުރިބާ ހޯދިފަހުން، 2 (ދޭއް) އަހަރަށްވުރެ ގިނަ ދުވަސް ވެގެން ނުވާނެއެވެ.

(ރ) މިގޮތަށް އެގްޒެމްޕްށަން ދިނުމުގައި ގޮތެއް ނިންމާނީ، ޕްރޮގްރާމް ހިންގާ ފަރާތުން އެކަމަށް އެދި ހުށަހެޅުމުން، ވަކިވަކި ބައިވެރިންގެ މައުލޫމާތު ޗެކް ކުރުމަށްފަހު އެމް.ކިއު.އޭ. އިންނެވެ.

 

23 ވަނަ މާއްދާ - ޕްރޮގްރާމް ހިންގާ މަރުކަޒުގެ ހިދުމަތްތަކާއި ހިންގުމުގެ ފެންވަރު

(ހ) ޕްރޮގްރާމް ހިންގާ މަރުކަޒުގެ މެނޭޖްމަންޓާއި، އުމްރާނީ ވަސީލަތްތަކާއި، ފިޒިކަލް ފެސިލިޓީތަކާއި، ޓެކްނޮލޮޖީގެ ހިދުމަތްތަކާއި، އިންސާނީ ވަސީލަތްތައް އެކްރެޑިޓޭށަނަށް އެދޭ ލެވެލެއްގެ ޕްރޮގްރާމެއް ހިންގުމަށް އެކަށީގެންވާ މިންވަރަކަށް މަރުކަޒުގައި ގާއިމުވެފައި ހުންނަންޖެހޭނެއެވެ.

(ށ) މަރުކަޒު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ޓަކައި މަރުކަޒުގެ އޯގަނައިޒޭށަން ފަރުމާކޮށް، މާލީ އަންދާސީ ހިސާބު ހަދައިފައި އޮންނަން ވާނެއެވެ.

(ނ) މަރުކަޒުގައި، ދަރިވަރުންގެ އާންމު ގަވާއިދާއި ދަރިވަރުންނަށް ދޭނެ ހިދުމަތްތައް ރާވައިފައި އޮންނަންވާނެއެވެ.

(ރ) ޕްރޮގްރާމުގެ ފީއާއި، ފީ ދައްކަންޖެހޭނޭ މުއްދަތާއި، ކޯހުން ވަކިވާ ދަރިވަރުންނަށް އެ ދަރިވަރުން ދައްކައިފައިވާ ފީ އަނބުރާ ލިބިދިނުމާ ބެހޭ ގަވާއިދެއް އޮންނަންވާނެއެވެ.

(ބ) ދަރިވަރުންނަށް އިމްތިހާނު ދޭނެ ގޮތާއި، ކޯހުން ފާސްވާނެ މިންވަރާއި، ޕްރޮގްރާމުގެ ސަނަދު ލިބުމަށް ޓަކައި ޕްރޮގްރާމަށް ހާޒިރުވާންޖެހޭ މިންވަރު، ޕްރޮގްރާމުގެ ލެވެލާ އެކަށީގެންވާ މިންވަރަކަށް އޮންނަންވާނެއެވެ.

 

24 ވަނަ މާއްދާ - ޕްރޮގްރާމް އެކްރެޑިޓްކުރުމަށް ހޭދަވާ މުއްދަތު

ޕްރޮގްރާމް އެކްރެޑިޓްކުރުމަށް ހޭދަވާ މުއްދަތަކީ، އޮތޯރިޓީން ތައްޔާރުކޮށް އާންމުކޮށްފައިވާ"ޓައިމްފްރޭމް ފޮރ ޕްރޮގްރާމް އެކްރެޑިޓޭށަން" ގައި ކަނޑައަޅައިފައިވާ މުއްދަތެވެ.

 

25 ވަނަ މާއްދާ - ޕްރޮގްރާމް އެކްރެޑިޓޭށަނަށް ނަގާ ފީ

ތިރީގައިވާ އުސޫލުން ޕްރޮގްރާމް އެކްރެޑިޓޭށަނަށް ފީ ނެގޭނެއެވެ.

(ހ) އޮތޯރިޓީގެ ޕްރޮގްރާމް އެކްރެޑިޓޭށަން ފީ، އޮތޯރިޓީން އެކަމަށް ކަނޑައަޅާ އޮތޯރިޓީގެ އެކައުންޓަކަށް ނުވަތަ މާލީ ވުޒާރާއިން ކަނޑައަޅާ އެހެން އެކައުންޓަކަށް، ސަރުކާރުގެ މާލީ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދައްކަންވާނެއެވެ.

(ށ) ޕްރޮގްރާމް އެކްރެޑިޓޭށަނަށް ހުށަހަޅާ މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމެއް ރިވިއުކުރުމަށް ފަހު، އެކްރެޑިޓޭށަން ދިނުމަށް ތައްޔާރުވެ، އެކަން އޮތޯރިޓީން ހަމަޖައްސާ އިންތިޒާމެއްގެ ތެރެއިން އަންގާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އެ ފީ ދައްކަންވާނެއެވެ. އެ މުއްދަތުގެ ތެރޭގައި އެކްރެޑިޓޭށަން ފީ ނުދައްކައިފިނަމަ، ލަސްވާ ލަސްވުމުގެ ޒިންމާ އުފުލަންވާނީ، އެކްރެޑިޓޭށަނަށް ހުށަހެޅި، މަތީ ތައުލީމުދޭ މަރުކަޒަކުންނެވެ.

(ނ) ޕްރޮގްރާމް އެކްރެޑިޓޭށަނަށް ނަގަން ކަނޑައަޅައިފައިވާ ފީ، އޮތޯރިޓީން އާންމުކުރަންވާނެއެވެ.

 

26 ވަނަ މާއްދާ - ޕްރޮގްރާމް އެކްރެޑިޓޭށަން ދިނުން

(ހ) ޕްރޮގްރާމް ޑޮކިޔުމަންޓް ރިވިއުކުރުމަށްފަހު އެކްރެޑިޓޭށަން ގައިޑްލައިނާއި މި ގަވާއިދަށް ފެތޭނަމަ، ޕްރޮގްރާމް އެކްރެޑިޓޭށަން ދޭންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ޕްރޮގްރާމް އެކްރެޑިޓޭށަން ފަށާ ތާރީހާ ހަމައަށް އެމް.ކިއު.އޭ. އިން ހިންގުމުގެ ހުއްދަ ލިބިފައިވާ ޕްރޮގްރާމްތަކަށް، އިތުރު ފީއެއް ދެއްކުމަކާ ނުލައި، އޮޓޮމެޓިކުން 5 (ފަހެއް) އަހަރުގެ މުއްދަތަށް އެކްރެޑިޓޭށަން ލިބޭނެއެވެ. މި ގޮތަށް އޮޓޮމެޓިކް އެކްރެޑިޓޭށަން ލިބޭ ޕްރޮގްރާމްތަކުގެ ތެރޭގައި މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޕްރޮގްރާމްތަކެއް ނުހިމެނޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަވުމުން، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޕްރޮގްރާމް އެކްރެޑިޓޭށަން ދެވޭނީ، މި ގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކްރެޑިޓޭށަން ފީ ދެއްކުމުންނެވެ.

 

27 ވަނަ މާއްދާ - އެކްރެޑިޓޭށަން ސެޓްފިކެޓް

މި ގަވާއިދުގެ 26 ވަނަ މާއްދާގެ ދަށުން އެކްރެޑިޓޭށަން ދޭ ޕްރޮގްރާމްތަކަށް، އެކްރެޑިޓޭށަން ސެޓްފިކެޓް ދޫކުރަންވާނެއެވެ.

 

28 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ސަނަދުތަކުގެ ދަފުތަރު

މި ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އެކްރެޑިޓޭށަން ދޭ ޕްރޮގްރާމްތައް، އެމް.ކިއު.އޭ. ގެ ޕްރޮގްރާމް އެކްރެޑިޓޭށަން ގައިޑްލައިނުގައިވާ ގޮތަށް، ދިވެހިރާއްޖޭގެ ސަނަދުތަކުގެ ދަފުތަރުގައި ހިމަނަންވާނެއެވެ.

 

29 ވަނަ މާއްދާ - މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް އެކްރެޑިޓްނުކޮށް ހިންގުން

ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިޑަނޑަށް ފެތޭ، މަތީ ތައުލީމުގެ ޕްރޮގްރާމެއް ނުވަތަ ތަމްރީނުގެ ޕްރޮގްރާމެއް އޮތޯރިޓީން އެކްރެޑިޓްނުކޮށް ދިވެހިރާއްޖޭގައި ހިންގުމަކީ މަނާކަމެކެވެ. އަދި މިފަދަ ޕްރޮގްރާމްތައް އިސްތިހާރުކުރުމަކީވެސް މަނާކަމެކެވެ. އެކްރެޑިޓްނުކޮށް ހިންގާ ޕްރޮގްރާމެއްގައި ކިޔަވާ ދަރިވަރުންނަށް ލިބޭ ގެއްލުމުގެ ޒިންމާ އުފުލަންވާނީ އެފަދަ ޕްރޮގްރާމެއް ހިންގާ ފަރާތަކުންނެވެ.

 

30 ވަނަ މާއްދާ - ފިޔަވަޅުއެޅުން

(ހ) މި ގަވާއިދުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ މަތީ ތައުލީމުގެ ޕްރޮގްރާމްތަކާއި ތަމްރީނުގެ ޕްރޮގްރާމްތައް އޮތޯރިޓީން އެކްރެޑިޓް ނުކޮށް ހިންގާކަން އެމް.ކިއު.އޭ. އަށް ސާބިތުވެއްޖެނަމަ، އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން އެކަށީގެންވާ ފިޔަވަޅެއް އެމް.ކިއު.އޭ. އިން އަޅަންވާނެއެވެ.

  1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ ހިލާފަށް އަދި ޕްރޮގްރާމް އެކްރެޑިޓޭށަނާ ހިލާފަށް ހިންގާ ކަންކަން ރަނގަޅު ކުރުމަށް އެންގުން؛
  2. އެކްރެޑިޓްނުކޮށް މަތީ ތައުލީމުގެ ޕްރޮގްރާމް ހިންގާ މަރުކަޒެއް 
    10،000 (ދިހަ ހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
  3. އިތުރު ޕްރޮގްރާމަކަށް އެކްރެޑިޓޭށަނާއި ހިންގުމުގެ ހުއްދަ ދޫނުކުރުން؛
  4. ޕްރޮގްރާމް އެކްރެޑިޓޭށަނާއި ހިންގުމުގެ ހުއްދަ ބާތިލުކުރުން؛
  5. ޕްރޮގްރާމް ހުއްޓުމަށް އެންގުން؛
  6. ސަނަދު ދިނުމުގެ ހުއްދަ ދޫނުކުރުން؛
  7. އެ ޕްރޮގްރާމެއް ހިންގަނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް ނޫންކަމާއި، ޕްރޮގްރާމް އެކްރެޑިޓޭށަންގެ މިންގަ ނޑުތަކާ ހިލާފަށްކަން އާންމުކޮށް އިއުލާނުކުރުން.

(ށ) މި ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕްރޮގްރާމަކަށް އެކްރެޑިޓޭށަން ދެވޭމަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒެއްގެ ރަޖިސްޓްރޭށަން ބާތިލުވެއްޖެނަމަ، އެ މަރުކަޒަކަށް އޮތޯރިޓީން ދީފައިވާ ހުރިހާ އެކްރެޑިޓޭށަނެއް ބާތިލުވާނެއެވެ.

 

31 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މި ގަވާއިދުގެ ދަށުން ހެދިފައިވާ އުސޫލު

ގައިޑްލައިންސް ފޯރ ޕްރޮގްރާމް އެކްރެޑިޓޭށަން (އުސޫލު ނަންބަރު 2022-39)

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 7/2021)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު