-

ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ޢަމަލުކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-69)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 14 މޭ 2022 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މި ގަވާއިދަކީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް އަމަލުކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ (ށ) އާއި 16 ވަނަ މާއްދާގެ (އ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 71 ވަނަ މާއްދާގެ (ނ) ގެ (10) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް އަމަލުކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް އަމަލުކުރުމުގައި، ތިރީގައިވާ އުސޫލުތައް ބަޔާންކުރުމެވެ.

(ހ) ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު ރެގިއުލޭޓްކުރުމުގެ މިންގަނޑުތައް ކަނޑައެޅުން.

(ށ) މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒަކުން އެދިއްޖެ ހިނދެއްގައި، އެ މަރުކަޒަކުން އެ މިންގަނޑުތައް ހިފަހައްޓާކަން ކަނޑައަޅައިދިނުން.

(ނ) މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ މިންގަނޑުތައް ހިފަހައްޓާކަމަށް ކަނޑައަޅައިފައިވާ މަރުކަޒުތައް އެ ގޮތުގައި ދެމިތިބޭކަން ކަށަވަރުކުރުން.

(ރ) މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒަކުން، ނުވަތަ އެ ފަދަ އެކަޑަމިކް ޕްރޮގްރާމަކުން، ނުވަތަ އެފަދަ ސަނަދަކުން، މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ މިންގަނޑުތައް ހިފަހައްޓާކަން ނުވަތަ ނޫންކަން، ފަރުދަކު އެދިއްޖެ ހިނދެއްގައި އޭނާއަށް ބަޔާންކޮށް ދިނުން.

(ބ) ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު، ކަނޑައެޅިފައިވާ މިންވަރެއްގައި ހިފެހެއްޓުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގުން

(ހ) މި ގަވާއިދު ހިންގާނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީންނެވެ.

(ށ) މި ގަވާއިދު ހިންގުމަށް ލަފާދޭނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުންނެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހިންގޭނެ ފަރާތްތައް

މި ގަވާއިދު ހިންގޭނީ، އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.

(ހ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭގޮތަށް މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް.

(ށ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ބޭނުންކުރަންޖެހޭ ކޮންމެ ފަރާތެއް.

 

5 ވަނަ މާއްދާ - ގައުމީ ސަނަދުތަކުގެ އޮނިގަނޑު އެކަށައެޅުން

މަތީ ތައުލީމާއި ތަމްރީނުގެ ހަރުފަތްތަކާއި، އެ ހަރުފަތްތަކުގެ ފެންވަރާއި، އެއިން ކޮންމެ ހަރުފަތަކަށް ދެވޭނެ ގޮތްތަކާއި، އެއިން ކޮންމެ ހަރުފަތެއްގައި ހާސިލުވާންޖެހޭ މިންވަރާއި، އެއިން ކޮންމެ ހަރުފަތެއް ފުރިހަމަކުރުމުން ލިބޭނޭ ސަނަދުތައް ބަޔާންކުރާ "ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު"، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން އެކަށައަޅައި، އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުން ފާސްކުރަން ވާނެއެވެ.

 

6 ވަނަ މާއްދާ - ޕްރޮގްރާމްތައް ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް ހިންގުން

މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމެއް ހިންގަންވާނީ، ދިވެހިރާއްޖޭގެ ގައުމީ  ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށެވެ. އެގޮތުން ތިރީގައި ބަޔާންކޮށްފައިވާ ކަންކަން، ތިރީގައި ބަޔާން ކޮށްފައިވާ ފަރާތްތަކުން ކަށަވަރު ކުރަންވާނެއެވެ.

(ހ) މަތީ ތައުލީމާއި ތަމްރީނުގެ ކޮންމެ ޕްރޮގްރާމެއް ހިންގަންވާނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް އެ ޕްރޮގްރާމް ފަރުމާ ކޮށްފައިވާކަން ކަށަވަރުކުރުމާއެކު، އެމް.ކިއު.އޭ. އިން އެކްރެޑިޓޭށަން ލިބި، ހިންގަން ފެށުމުގެ ހުއްދަ ލިބިގެންނެވެ.

(ށ) އެމް.ކިއު.އޭ. އިން ހުއްދަ ލިބިގެން ހިންގާ ޕްރޮގްރާމެއް ކަމުގައި ވިޔަސް، ކޮންމެ ބެޗަކަށް ސަނަދު ދޭންވާނީ، ޕްރޮގްރާމް ހިނގި ގޮތް އެމް.ކިއު.އޭ. އިން ބެލުމަށްފަހު، ސަނަދު ދިނުމުގެ ހުއްދަ ލިބިގެންނެވެ.

(ނ) ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ނިޒާމުގެ ތެރެއިން ހިންގާ ކޮންމެ ޕްރޮގްރާމެއް ހިންގަނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު އެއްގޮތަށް ތޯ، ކަނޑައެޅިފައިވާ އުސޫލަކުން، އެމް.ކިއު.އޭ. އިން ބަލަންވާނެއެވެ.

(ރ) މަތީ ތައުލީމާއި ތަމްރީނުގެ ނިޒާމުގެ ތެރެއިން ހިންގާ ޕްރޮގްރާމެއް ހިންގަނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށްތޯ އެމް.ކިއު.އޭ. އިން ބަލަން ބޭނުންވެއްޖެ ހިނދެއްގައި، ކަމާބެހޭ ލިޔެކިޔުންތަކާއި، ހިނގަމުންދާ ކުލާސްތަކާއި، އެހެނިހެން ވަސީލަތްތައް ބެލުމުގެ ފުރުސަތު އެ ޕްރޮގްރާމެއް ހިންގާ މަރުކަޒުން އެމް.ކިއު.އޭ. އަށް ދޭންވާނެއެވެ.

(ބ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި، މަތީ ތައުލީމާއި ތަމްރީނުގެ ނިޒާމުން ބޭރު ޕްރޮގްރާމެއް ނުވަތަ ތަމްރީނެއް ހިންގުން މި ގަވާއިދުން މަނައެއް ނުކުރެއެވެ.

 

7 ވަނަ މާއްދާ - ހިދުމަތްތަކަށް ނެގޭ ފީ 

އެމް.ކިއު.އޭ. އިން ފޯރުކޮށްދޭ ހިދުމަތަކަށް، ސަރުކާރުން ކަނޑައަޅާ މިންވަރެއްގެ ފީއެއް ނެގިދާނެއެވެ. މިގޮތުން، ވަކިވަކި ހިދުމަތްތަކަށް ނަގާ ފީ އެ ހިދުމަތް ނުވަތަ މަސައްކަތަކާ ގުޅޭ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އާންމުކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - އާންމުކުރާނެ ލިޔުންތައް 

(ހ) "ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު" އެމް.ކިއު.އޭ. އިން ށާއިއުކޮށް އާންމު ކުރަން ވާނެއެވެ.

(ށ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ބަދަލެއް ގެނެސްފިނަމަ، އެ ގެނައި ބަދަލު، އެމް.ކިއު.އޭ. އިން އާންމު ކުރަން ވާނެއެވެ.

 

9 ވަނަ މާއްދާ - ހިދުމަތް ފޯރުކޮށްދިނުން

ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ، މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒަކުން އެދިއްޖެނަމަ، ކަނޑައެޅިފައިވާ އުސޫލަކުން، ތިރީގައި މިވާ ހިދުމަތްތައް އެމް.ކިއު.އޭ. އިން ފޯރުކޮށްދޭންވާނެއެވެ.

(ހ) ދިވެހިރާއްޖޭގެ ގައުމީ ސަނދުތަކުގެ އޮނިގަނޑުގެ މިންގަނޑުތަކަށް ފެތޭގޮތަށް ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ މަތީ ތައުލީމުގެ ޕްރޮގްރާމްތައް އެކްރެޑިޓްކޮށް ހިންގުމުގެ ހުއްދަ ދިނުން.

(ށ) މަތީ ތައުލީމާއި ތަމްރީނުދޭ ކޯހުގެ ބެޗެއް ނިމުމުން، އެ ބެޗަކަށް ސަނަދު ދިނުމުގެ ހުއްދަ ދިނުން.

(ނ) ސަނަދުގެ ފެންވަރު ބެލުން.

 

10 ވަނަ މާއްދާ - ފިޔަވަޅުއެޅުން 

މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު ހިފެހެއްޓުމަށް ޓަކައި އެމް.ކިއު.އޭ. އިން ކުރާ އެކިއެކި މަސައްކަތްތައް ކަމުގައިވާ، ޕްރޮގްރާމް އެކްރެޑިޓޭށަނާއި، އިންސްޓިޓިއުށަނަލް އޮޑިޓާއި، ޕްރޮގްރާމް އޮޑިޓުގެ ތެރެއިން މި ކަންކަމަށް ކަނޑައަޅައިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ ގަވާއިދުތަކުގައި އަޅަން ކަނޑައަޅައިފައިވާ ފިޔަވަޅުތައް އެޅޭނެއެވެ.

 

11 ވަނަ މާއްދާ - މާނަކުރުން 

މި ގަވާއިދުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކައް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ސަރުކާރު" ކަމަށް ބުނެފައި އެވަނީ، ދިވެހި ސަރުކާރަށެވެ.

(ށ) "އޮތޯރިޓީ" ނުވަތަ އެމް.ކިއު.އޭ ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއަށެވެ.

(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ރ) "ގަވާއިދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑަށް އަމަލު ކުރުމުގެ ގަވާއިދަށެވެ.

(ބ) "އޮނިގަނޑު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށެވެ.

(ޅ) "މަތީ ތައުލީމާއި، ތަމްރީނު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ މަރުކަޒެއްގައި ދޭ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލަކަށް ފެތޭ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތަކާއި، ނޭށަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްގައި ބަޔާންކޮށްފައިވާ އަދި އެ ސްޓޭންޑަޑަށް ތައްޔާރުކޮށް ހިންގާ، މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކަށެވެ.

(ކ) "އެކަޑަމިކް ޕްރޮގްރާމް" އަދި "ތަމްރީނު ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނު އުނގަންނައިދޭ ކިޔަވައިދިނުމަށެވެ.

(އ) "މަތީ ތައުލީމާއި ތަމްރީނުގެ ނިޒާމު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައަޅައިފައިވާ ފެންވަރުގައި ހިންގާ ޕްރޮގްރާމްތަކަށެވެ.

(ވ) "މަތީ ތައުލީމާއި ތަމްރީނުގެ ނިޒާމުގެ ޕްރޮގްރާމެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައަޅައިފައިވާ ފެންވަރެއް ހުންނާނެކަމަށް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ބަޔާންކޮށް، ހިންގާ ކޯހަށެވެ.

(މ) "ބެޗް" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމެއްގެ ހަރުފަތެއް އެއްވަގުތެއްގައި ފުރިހަމަކުރަމުންދާ ދަރިވަރުންގެ ގުރޫޕަކަށެވެ.

(ފ) "ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ހަރުފަތްތަކާއި، އެ ހަރުފަތްތަކުގެ ފެންވަރާއި، އެއިން ކޮންމެ ހަރުފަތަކަށް ވާސިލުވެވޭނެ ގޮތްތަކާއި، އެއިން ކޮންމެ ހަރުފަތެއްގައި ހާސިލުވާންޖެހޭ މިންވަރާއި، އެއިން ކޮންމެ ހަރުފަތެއް ފުރިހަމަކުރުމުން ލިބޭނޭ ސަނަދުތަކުގެ އޮނިގަނޑަށެވެ.

 

12 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 2021-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު