-

ދައުލަތުގެ އިދާރާތަކުން، މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-74)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 16 މޭ 2022 ގައި)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 71 ވަނަ މާއްދާގެ (ނ) ގެ (6 (ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދައުލަތުގެ އިދާރާތަކުން، މަތީ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އެއް މިންގަނޑެއްގެ ދަށުން ހަމަހަމަކަމާއެކު ދައުލަތުގެ އިދާރާތަކަށް ތަމްރީނު ހިންގޭނެ މަގު ފަހިކޮށްދިނުމާއި، ދައުލަތުގެ އިދާރާތަކުގެ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ފެންވަރު ކަށަވަރުކުރުމެވެ.

 

3 ވަނަ މާއްދާ - މަރުކަޒުތައް ހިންގުން

ދައުލަތުގެ އިދާރާތަކުން ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކާއި، މިފަދަ ތަންތަނުގެ ކެމްޕަސްތަކާއި އައުޓްރީޗް ސެންޓަރުތައް ހިންގަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެންނެވެ.

 

4 ވަނަ މާއްދާ - ހިނގަމުންދާ ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، މިނިސްޓްރީގައި ރަޖިސްޓަރީނުކޮށް ހުރި ދައުލަތުގެ އިދާރާތަކުގެ ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކާއި، އެފަދަ ތަންތަނުގެ ކެމްޕަސްތަކާއި އައުޓްރީޗް ސެންޓަރުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ، 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގަމުންގެންދާ ދައުލަތުގެ އިދާރާތަކުގެ ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ދަށުން ރީ-ރަޖިސްޓަރީ ކުރަންވާނެއެވެ.

 

ދެވަނަ ބާބު

މަރުކަޒުތައް ރަޖިސްޓަރީކޮށް ގެން ހިންގުން

 

5 ވަނަ މާއްދާ - މަރުކަޒު ރަޖިސްޓަރީކުރުން

ދައުލަތުގެ އިދާރާއަކުން، އެ މުއައްސަސާގެ މެންޑޭޓުގައި ނުވަތަ އިދާރާގެ މެންޑޭޓުގައި ތައުލީމާއި ތަމްރީނު ދިނުން ހިމެނޭ ދައުލަތުގެ އިދާރާތަކުން ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ހިންގަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށްފަހުގައެވެ.

 

6 ވަނަ މާއްދާ - ޕްރޮގްރާމް ހިންގުމުގެ ހުއްދަ ހޯދުން

ދައުލަތުގެ އިދާރާއަކުން ރަޖިސްޓަރީކޮށްފައިވާ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި ކިޔަވައިދޭ ޕްރޮގްރާމްތައް ހިންގަންވާނީ، އަންނަނިވި ފަރާތްތަކުގެ ހުއްދަޔާ އެކުގައެވެ.

(ހ) ދައުލަތުގެ މުއައްސަސާތަކުން އެ މުއައްސަސާއަށް ހާއްސަ ދާއިރާއިން، މުވައްޒަފުން ވަޒީފާއަށް އަހުލުވެރި ކުރުވުމަށް ޓަކައި، އެ މުއައްސަސާއެއްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ނުހިމެނޭ "އިން-ސަރވިސް ޕްރޮގްރާމްތައް" ހިންގިދާނެއެވެ. މިފަދަ ޕްރޮގުރާމްތައް ހިންގުމަށް ޓަކައި މިނިސްޓްރީން ހުއްދަ ހޯދާކަށެއް ނުޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި މިނިސްޓްރީން ހުއްދަ ހޯދަން ނުޖެހޭނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ރެގިއުލޭޓަރީ ބޮޑީއަކުން ހުއްދަ ނަގައިގެން ހިންގަންޖެހޭ އިން-ސަރވިސް ޕްރޮގްރާމެއް ނަމަ، އެ ޕްރޮގްރާމެއް ހިންގަންވާނީ ، އެ ރެގިއުލޭޓަރީ ބޮޑީއަކުން ހޯދަންޖެހޭ ހުއްދަ ހޯދައިގެންނެވެ.

(ނ) ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ ކޯސްތައް ހިންގުމުގެ ހުއްދަ ދެވޭނީ، އެ މުއައްސަސާގެ މެންޑޭޓުގައި ނުވަތަ އިދާރާގެ މެންޑޭޓުގައި ތަމްރީނު ދިނުން ހިމެނޭ ދައުލަތުގެ މަރުކަޒުތަކުން ނުވަތަ އަމިއްލަ މަރުކަޒުތަކުން ހިންގަން ދަތިވާފަދަ ވަކި ހާއްސަ ރޮނގުތަކުގެ ތަމްރީނު ބޭނުންވާ މުއައްސަސާތަކަށް ނުވަތަ އިދާރާތަކަށެވެ. މި ކޯސްތައް ހިންގަންވާނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއަށް ހުށަހަޅައިގެން މުގައްރަރު ފާސްކުރުމަށްފަހު، އެ ފަރާތުގެ އިރުށާދާ އެއްގޮތަށެވެ.

(ރ) ޓެކްނިކަލް ޓްރެއިނިންގއާއި ވޮކޭށަނަލް ޓްރެއިނިންގ ފޯރުކޮށްދޭ މަރުކަޒުތަކުން، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސްޓޭންޑަޑްތަކަށް ޕްރޮގްރާމްތައް ހިންގަން އެދޭނަމަ، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ހުއްދަ ނަގަންވާނެއެވެ.

(ބ) މުވައްޒަފުންނާއި އާންމުންނަށް އަމާޒުކޮށްގެން ކޯސް ހިންގޭނީ މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ. މިގޮތުންވެސް ހިންގޭނީ، އެ މުއައްސަސާއަށް ހާއްސަ ދާއިރާގެ ކޯސްތަކެވެ.

 

7 ވަނަ މާއްދާ - ޕްރޮގްރާމްތަކުގައި ކިޔަވައިދޭ ފަރާތްތަކުގައި ހުންނަންޖެހޭ ސިފަތައް

ދައުލަތުގެ އިދާރާއަކުން ހިންގާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި ކިޔަވައިދޭ ފަރާތްތަކުގައި، އަންނަނިވި ސިފަތައް ހުންނަންވާނެއެވެ.

(ހ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލަކަށް ފެތޭ ޕްރޮގްރާމެއް ނަމަ،ކިޔަވައިދޭ ލެކްޗަރަރއިންނަކީ، ކިޔަވައިދޭ ފެންވަރަށްވުރެ މަތީ ފެންވަރެއްގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ށަރުތު ފުރިހަމަނުވާ ލެކްޗަރަރއަކަށް ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ޕްރޮގްރާމެއްގައި ކިޔަވައިދެވިދާނެއެވެ. ނަމަވެސް އެ ލެކްޗަރަރއަކީ،މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ނުވަތަ މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ހުއްދަދީފައިވާ ފަރާތަކަށް ވާންވާނެއެވެ.

 

8 ވަނަ މާއްދާ - މަރުކަޒުގައި ހުންނަންވާނެ ސިފަތައް

ދައުލަތުގެ އިދާރާއަކުން ހިންގާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި އަންނަނިވި ސިފަތައް ހުންނަންވާނެއެވެ.

(ހ) ސަރުކާރުގެ އިދާރާތަކުން ހިންގާ މަރުކަޒުތަކުގައި އަންނަނިވި ކަންކަންކަމަށް ޒިންމާވާނެ ފަރާތްތައް ކަނޑައަޅައިފައި ހުންނަންވާނެއެވެ.

  1. އިންސްޓިޓިއުޓް ހިންގުން (Head of Institute)
  2. ތައުލީމީ ކަންކަން (Academic head)
  3. އިދާރީ ކަންކަމާއި މާލީ ކަންކަން (Administration and Finance)

(ށ) މަރުކަޒު ހިންގުމަށް ހުށަހަޅާ އިމާރާތަކީ، މިނިސްޓްރީން ށާއި އުކުރާ، "ދައުލަތުގެ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފޯމު" ގައިވާ މަރުކަޒު ހިންގުމަށް ހުށަހަޅާ އިމާރާތުގައި ހުންނަންވާނެ އަސާސީ މިންގަނޑުތައް ފުރިހަމަވެފައިވާ ތަނަކަށް ވުމާއެކު، ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން އެކުލަ ވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީ ން އިމާރާތްކުރުމާއި އިމާރާތް ބޭނުންކުރުމުގެ ހުއްދަ ލިބިފައިވާ ތަނަކަށް ވާންވާނެއެވެ.

 

9 ވަނަ މާއްދާ - ހިންގޭނެ ޕްރޮގްރާމްތައް

(ހ) ދައުލަތުގެ އިދާރާއަކުން ހިންގާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި ޕްރޮގްރާމްތައް ހިންގޭނީ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އަންނަވި ލެވެލްތަކަށެވެ.

  1. އިންސްޓިޓިއުޓް: ލެވެލް 1 އިން 6 އަށް؛
  2. ކޮލެޖް: ލެވެލް 1 އިން 9 އަށް.

(ށ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ ލެވެލް 5 އިން ފެށިގެން މަތީގެ ޕްރޮގްރާމްތައް ހިންގާނަމަ، ފިޒިކަލް ލައިބްރަރީއެއްގެ ނުވަތަ އީ -ލައިބްރަރީއެއްގެ ހިދުމަތް ދަރިވަރުންނަށް ލިބެން ހުންނަންވާނެއެވެ.

 

10 ވަނަ މާއްދާ - ޓިޔުށަން ފީ

(ހ) ޓިއުށަންފީ ނަގައިގެން ޕްރޮގްރާމް ހިންގާނަމަ، ޕްރޮގްރާމްތަކަށް ކަނޑައަޅައިފައިވާ ޓިޔުށަންފީގެ އޮނިގަނޑު (ފީ ސްޓްރަކްޗަރ)، ޕްރޮގްރާމަށް އެޕްލައިކުރުމުގެ ކުރިން ދަރިވަރުންނަށް އެނގެން އޮންނަންވާނެއެވެ.

(ށ) އެއް ޕްރޮގްރާމެއްގައި އެއް ވަގުތެއްގައި އެންރޯލްވާ ހުރިހާ ދަރިވަރުންގެ އަތުން ނަގާފީ އެއްވަރު ވާންވާނެއެވެ.

(ނ) ދަރިވަރުންގެ އަތުން ނަގާ އެކިކަހަލަ އިތުރު ފީތަކުގެ މައުލޫމާތު، ކޯހަށް އެންރޯލްވުމުގެކުރިން، ދަރިވަރަށް އެނގެން އޮންނަންވާނެއެވެ.

(ރ) ޕްރޮގްރާމަށް ދަރިވަރުން ދައްކާ ފައިސާ ރިފަންޑް ކުރުމާ ބެހޭ ޕޮލިސީއެއް އޮތުމާއެކު،ދަރިވަރުންނަށް އެ ޕޮލިސީ އެނގެން އޮންނަންވާނެއެވެ.

 

11 ވަނަ މާއްދާ - ދަރިވަރުންނަށް ހިދުމަތް ދިނުން

މަރުކަޒުތަކުން ދަރިވަރުންނަށް ހިދުމަތްދިނުމުގައި އަންނަވި އުސޫލުތަކަށް އަމަލުކުރަން ވާނެއެވެ.

(ހ) މަރުކަޒުގައި ކިޔަވާ ދަރިވަރުންނަށް އެއްވެސް މާލީ މަންފާއެއް ލިބިދޭގޮތަށް އެ ތަނެއްގައި ހަމަޖެހިފައިވާނަމަ، އެ މަންފާއެއް ލިބުމަށް އެދި ހުށަހަޅާނެ ގޮތާއި، އެކަމާ ގުޅޭ ށަރުތުތަކާއި އުސޫލުތައް އެ މަރުކަޒަކުން އެކުލަވައިލައި، ދަރިވަރުންނަށް ފެންނާނޭހެން އާންމުކުރަންވާނެއެވެ.

(ށ) ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) ގެ (1 (ވަނަ ނަންބަރާއި (2 (ވަނަ ނަންބަރުގައި ބަޔާންވެގެންވާ ކަންކަން ހިމެނޭ ގޮތަށް މަރުކަޒުގައި ކިޔަވާ ދަރިވަރުންގެ މަސައްކަތްތަކުގެ ތެރެއިން އެ ދަރިވަރުން އެސެސްކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް އެ ދަރިވަރުން އަމިއްލައަށް ފުރިހަމަކުރުމަށް ލާޒިމުކޮށް، އެހެން ފަރާތަކާ ހަވާލުކޮށްގެން އެ މަސައްކަތްކުރުން މަނާކޮށް،އެފަދަ މައްސަލަތައް ބަލައި ދަރިވަރުންނާމެދު ފިޔަވަޅު އެޅުމާ ގުޅޭ އުސޫލުތައް މަރުކަޒުން އެކުލަވައިލައި، އެ އުސޫލުތައް ދަރިވަރުންނަށް ފެންނާނޭހެން އާންމުކުރަން ވާނެއެވެ.

 

12 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގެ ނިޒާމު

(ހ) އަންނަނިވި ކަންކަން ހިމެނޭގޮތުން ށަކުވާ ހުށަހެޅޭނެ އިންތިޒާމު މަރުކަޒުގައި ހަމަޖައްސައި، އެކަމާ ގުޅޭ އުސޫލުތައް ހަދައި، އެ އުސޫލުތައް ދަރިވަރުންނާ ހިއްސާކުރަންވާނެއެވެ.

  1. ދަރިވަރުންނަށް އެޑްމިށަން ދިނުމާއި އެންރޯލްކުރުމާ ގުޅޭ ކަންކަން؛
  2. ދަރިވަރުންނަށް ކިޔަވައިދިނުމާއި، ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތަކާ ގުޅޭގޮތުން؛
  3. ހަނގާކުރުމާ ގުޅޭގޮތުން؛
  4. މަރުކަޒުގެ މާހައުލުން އެއްވެސްކަހަލަ ގޯނާއެއް ނުވަތަ ފުރައްސާރަކުރުމާ ގުޅޭގޮތުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމަކާ ގުޅޭ މައްސަލައެއް ދަރިވަރަކު ހުށަހަޅައި، އެ މައްސަލަ ހުށަހަޅާތާ ރަސްމީ 5) ފަހެއް) ދުވަހުގެ ތެރޭގައި ޖަވާބެއް ލިބިފައި ނުވާނަމަ، ނުވަތަ ލިބިފައިވާ ޖަވާބާމެދު ދަރިވަރު ހިތްހަމަ ނުޖެހޭނަމަ،މިނިސްޓްރީއަށް ލިޔުމުން ށަކުވާ ހުށަހެޅުމުގެ ފުރުސަތު ދަރިވަރަށް ލިބިގެންވެއެވެ. އަދި މިނިސްޓްރީއަށް ދަރިވަރަކު އެފަދަ ށަކުވާއެއް ހުށަހަޅާތާ ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ލިޔުމުން ދަރިވަރަށް ޖަވާބުދޭންވާނެއެވެ.

 

13 ވަނަ މާއްދާ - މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒު ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅޭނެ ފަރާތްތައް

ދައުލަތުގެ އިދާރާއެއްގެ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއް ރަޖިސްޓަރީކޮށްދެވޭނީ، ތިރީގައިވާ ފަރާތްތަކުގެ ތެރެއިން ފަރާތަކަށެވެ.

(ހ) އެ އިދާރާގެ މެންޑޭޓުގައި ތައުލީމާއި ތަމްރީނު ދިނުން ހިމެނޭ ފަރާތްތައް.

(ށ) ވަކި ހާއްސަ ރޮނގުތަކުގެ ތަމްރީނު ބޭނުންވާ އިދާރާތައް.

 

14 ވަނަ މާއްދާ - މަރުކަޒުގެ މަސްއޫލުވެރިފަރާތް

މަރުކަޒުގެ މަސްއޫލުވެރި ފަރަތާކަށް ވާނީ، މަރުކަޒު ރަޖިސްޓަރީކޮށްދެވޭ ދައުލަތުގެ އިދާރާއެވެ.

 

15 ވަނަ މާއްދާ - މަސްއޫލުވެރި ފަރާތް ބަދަލުކުރުން

ދައުލަތުގެ އިދާރާ އުވައިލައިފިނަމަ، ނުވަތަ އިދާރާގެ ޒިންމާ އެހެން އިދާރާއެއްގެ ދަށަށް ބަދަލުކޮށްފިނަމަ، ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އެކަން އަންގައި،އިދާރާގެ މަސްއޫލުވެރި ފަރާތް ބަދަލުކޮށް، ރަޖިސްޓަރީ އައުކުރަންވާނެއެވެ. 

 

16 ވަނަ މާއްދާ - ރަޖިސްޓަރީކުރަން ހުށަހެޅުން

(ހ) މަރުކަޒު ރަޖިސްޓަރީ ކުރުމަށް އެދި މިނިސްޓްރީން ކަނޑައަޅައި ށާއިއުކުރާ ފޯމާއި، އެ ފޯމުގައި ހުށަހަޅަން ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތަކާއި، މިނިސްޓްރީން ށާއިއުކުރާ "ޕްރޮ-ފޯމާ" ފުރިހަމަކޮށްފައި ހުށަހަޅަންވާނެއެވެ.

(ށ) އެޕްލިކޭށަން ފުރިހަމަނަމަ، ހުށަހަޅާ ދުވަހުން ފެށިގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި މަރުކަޒު ރަޖިސްޓަރީ ކޮށްދެވޭނެއެވެ.

(ނ) އެޕްލިކޭށަނުގައިވާ ކަންކަން ފުރިހަމަ ނުވާނަމަ، ފުރިހަމަކުރަންޖެހޭ ކަންކަން ފާހަގަކޮށްފައި، އެޕްލިކޭށަން ހުށަހެޅި ފަރާތަށް 30) ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީން އަންގާނެއެވެ. އަދި ހުށަހަޅާ ފަރާތުން އެޕްލިކޭށަން އިސްލާހު ކުރުމަށްފަހު، 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ މުއްދަތުގެ ތެރޭގައި އިސްލާހުކުރަން އަންގާ ކަންތައްތައް އިސްލާހުކޮށްފައި ހުށަހަޅައިފައި ނުވާނަމަ، އެ އެޕްލިކޭށަން ބާތިލުވާނެއެވެ. އަދި އަލުން ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ، އައު އެޕްލިކޭށަނެއްގެ ގޮތުގައެވެ.

 

17 ވަނަ މާއްދާ - ހިނގަމުންދާ މަރުކަޒުތައް ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، މިނިސްޓްރީގައި ރަޖިސްޓަރީނުކޮށް ހުރި މަރުކަޒުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ، 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ރަޖިސްޓަރީކޮށްގެން ހިންގަމުންދާ މަރުކަޒުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ދަށުން ރީ-ރަޖިސްޓަރީ ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމަށްފަހު، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ނުކޮށް މަރުކަޒުތައް ހިންގުމަކީ މަނާކަމެކެވެ. އަދި އެފަދަ ތަންތަން ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފުތަރުން އުނިކުރެވޭނެއެވެ.

 

18 ވަނަ މާއްދާ - "އައުޓްރީޗް ސެންޓަރ" ރަޖިސްޓަރީކުރުން

(ހ) ރަޖިސްޓަރީ ކޮށްދީފައިވާ މަރުކަޒަކުން، އެ މަރުކަޒު ރަޖިސްޓަރީ ކުރެވޭތާ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަކަށްފަހު، އެ ތަން ރަޖިސްޓަރީ ކޮށްފައިވާ ރަށް ފިޔަވައި އެހެން ރަށެއްގައި އެ މަރުކަޒުގެ ކިލާސް ހިންގަން ބޭނުންވާނަމަ، "އައުޓްރީޗް ސެންޓަރ" އެއްގެ ގޮތުގައި މިނިސްޓްރީގެ ހުއްދަޔާއެކު ހިންގިދާނެއެވެ.

(ށ) "މަތީ ތައުލީމާއި ތަމްރީނުދޭ ، ދައުލަތުގެ މަރުކަޒުތަކުގެ އައުޓްރީޗް ސެންޓަރުތައް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފޯމު" އާއި، އެ ފޯމުގައި ހުށަހަޅަން ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކޮށްފައި ހުށަހަޅަންވާނެއެވެ.

(ނ) އެޕްލިކޭށަން ފުރިހަމަ ނަމަ، ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ 20 (ވިހި) ދުވަހުގެ ތެރޭގައި އައުޓްރީޗް ސެންޓަރ ރަޖިސްޓަރީ ކޮށްދެވޭނެއެވެ.

(ރ) އެޕްލިކޭށަނުގައިވާ ކަންކަން ފުރިހަމަ ނުވާނަމަ، ފުރިހަމަކުރަންޖެހޭ ކަންކަން ފާހަގަކޮށްފައި، އެޕްލިކޭށަން ހުށަހެޅި ފަރާތަށް ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީން އަންގަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުން އެޕްލިކޭށަން އިސްލާހު ކުރުމަށްފަހު، ރަސްމީ 5) ފަހެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ މުއްދަތުގެ ތެރޭގައި އިސްލާހުކުރަން އަންގާ ކަންތައްތައް އިސްލާހުކޮށްފައި ހުށަހަޅައިފައި ނުވާނަމަ، އެ އެޕްލިކޭށަން ބާތިލުވާނެއެވެ. އަދި އަލުން ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ، އައު އެޕްލިކޭށަނެއްގެ ގޮތުގައެވެ.

 

19 ވަނަ މާއްދާ - "އައުޓްރީޗް ސެންޓަރ" ހިންގުން

(ހ) އައުޓްރީޗް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަން ހުށަހަޅާ އިމާރާތަކީ، މިނިސްޓްރީން ށާއިއުކުރާ، " މަތީ ތައުލީމާއި ތަމްރީނުދޭ، ދައުލަތުގެ މަރުކަޒުތަކުގެ އައުޓްރީޗް ސެންޓަރުތައް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފޯމު" ގައިވާ، އައުޓްރީޗް ސެންޓަރހިންގުމަށް ހުށަހަޅާ އިމާރާތުގައި ހުންނަންވާނެ އަސާސީ މިންގަނޑުތައް ފުރިހަމަވެފައިވާ ތަނަކަށް ވުމާއެކު، ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަ ވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީ ން އިމާރާތްކުރުމާއި އިމާރާތް ބޭނުންކުރުމުގެ ހުއްދަ ލިބިފައިވާ ތަނަކަށް ވާންވާނެއެވެ.

(ށ) އައުޓްރީޗް ސެންޓަރެއްގެ ގޮތުގައި ތަނެއް ބޭނުންކުރުމަށް ހުއްދަ ދެވޭނީ، ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށެވެ. މި މުއްދަތަށް ވުރެ ގިނަދުވަހު ބޭނުންކުރަންވާނީ، ހުއްދަ އައުކުރަން މިނިސްޓްރީއަށް ހުށަހަޅައިގެން އެކަމުގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.

(ނ) އައުޓްރީޗް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަން ހުއްދަ ލިބޭ ކޮންމެ ތަނެއްގައި ހިންގަންވާނީ، އެ އިންސްޓިޓިއުޓެއްގެ ކިލާސްތައް އެކަންޏެވެ.

(ރ) އައުޓްރީޗް ސެންޓަރެއްގައި ކިޔަވައިދޭންވާނީ، އިންސްޓިޓިއުޓުގައި ކިޔަވައިދިނުމަށް ހުއްދަ ދީފައިވާ ފެންވަރުގެ ޕްރޮގްރާމްތައް އެކަންޏެވެ.

 

20 ވަނަ މާއްދާ - ރަޖިސްޓަރީކުރުމަށްފަހު ޖަވާ ބުދާރީވުން

މަރުކަޒުގެ ކަންތައްތަކުގައި މިނިސްޓްރީއަށް ޖަވާބުދާރީވާނީ، އެ މަރުކަޒު ނިސްބަތްވާ ދައުލަތުގެ އިދާރާއެއް ހިންގުމާ އެ އިރެއްގައި ހަވާލުވެ ހުންނަ ފަރާތެކެވެ.

 

21 ވަނަ މާއްދާ - ރިޕޯޓުތަކާއި ތަފާސްހިސާބު ހުށަހެޅުން

(ހ) މިނިސްޓްރީން އަންގާ ފޯމެޓަށް އަހަރީ ރިޕޯޓާއި ތަފާސްހިސާބު، ކޮންމެ އަހަރެއްގެ ޖަނަވަރީމަހުގެ 30 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންވާނެއެވެ.

(ށ) މާލީ ކޮންމެ އަހަރެއް ނިމޭތާ ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އޮޑިޓްކުރުމުގެ 
ލައިސަންސް ލިބިފައިވާ އޮޑިޓަރަކު ނުވަތަ އޮޑިޓް ފާރމެއް މެދުވެރިކޮށް އެކުލަވައިލައިފައިވާ، މަރުކަޒުގެ އޮޑިޓް ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

22 ވަނަ މާއްދާ - ފެންވަރު ހިފެހެއްޓުމާއި، ރިކޯޑު ބެލެހެއްޓުން

(ހ) މަރުކަޒުގައި ހިންގާ ޕްރޮގްރާމްތައް ހިނގާނުހިނގާގޮތް ބެލުމަށާއި، ކިޔަވައިދިނުމުގެ ފެންވަރު ބެލުމަށާއި، ކިޔަވައިދޭ ޕްރޮގްރާމްތަކާއި ދަރިވަރުންގެ ފެންވަރު މަތިކޮށް ހިފެހެއްޓުމަށް ޓަކައި އިންޓަރނަލް ސުޕަވިޒަން ނިޒާމެއް ގާއިމުކޮށްފައި އޮންނަންވާނެއެވެ.

(ށ) ތިރީގައި މިވާ ރިކޯޑުތައް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި، މަރުކަޒުން ލިބެން ހުންނަންވާނެއެވެ.

  1. ކިޔަވައިދިނުމުގެ މަސައްކަތް ރިވިއުކޮށް މޮނިޓަރކުރާ ގޮތުގެ ރިކޯޑުތައް (ކޯސްތައް/ ޕްރޮގްރާމްތައް ވަކިވަކިން)؛
  2. ކިޔަވައިދިނުމާއި، ދޭ ހިދުމަތްތަކާ މެދު ދަރިވަރުންގެ ކިބައިން ހޯދާ ހިޔާލުގެ  ރިޕޯޓު (ކޯސް/ ޕްރޮގްރާމުގެ ފީޑްބެކް ރިޕޯޓު)؛
  3. ލެކްޗަރަރއިންގެ ލިސްޓާއި، ކޮލިފިކޭށަނާއި، މަސައްކަތުގެ ސުޕަވިޒަން  ރިޕޯޓުތަކާއި، ހާޒިރީ ރިޕޯޓުތައް؛
  4. ދަރިވަރުންގެ ހާޒިރީ ރިޕޯޓުތަކާއި، ދަރިވަރުންގެ ޕްރޮގްރެސް އެނގޭގޮތަށް  ތައްޔާރުކޮށްފައިވާ މާކްށީޓްތައް (ކޯސް/ ޕްރޮގްރާމް ފެށުމަށްފަހު، އެ ކޯހުން ނުވަތަ ޕްރޮގްރާމުން ވަކިވާ ދަރިވަރުން އެނގޭގޮތަށް)؛
  5. އިމްތިހާނު ކަރުދާހާއި އެސައިންމެންޓްތައް؛
  6. ކޯސްތައް/ ޕްރޮގްރާމްތައް ހިނގަމުންދާ ގޮތާއި، ކިޔަވައިދިނުމުގައި ބޭނުންކުރާ ރިސޯސްތައް؛
  7. އިންޓަރނަލް ސުޕަވިޒަނާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތައް؛
  8. އެޑްމިށަން ކްރައިޓީރިޔާއާއި، އެޑްމިށަންގެ މަސައްކަތް ހިނގާގޮތުގެ މައުލޫމާތު؛
  9. ދަރިވަރުން/ ލެކްޗަރަރއިންގެ ކަންތައްތަކާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު؛
  10. ދަރިވަރުންގެ ރިކޯޑުތައް، މަދުވެގެން 6 (ހައެއް) އަހަރުދުވަހުގެ މުއްދަތަށް ރައްކައުކޮށްފައި ހުރުން؛
  11. މި ގަވާއިދުގައި ބަޔާންވެފައިވާ އެންމެހައި ލިޔެކިޔުންތައް.

(ނ) ކިޔަވައިދިނުމުގެ ފެންވަރު ވަޒަންކޮށް، އިދާރީ ކަންކަން ހިނގަމުންދާގޮތް ބެލުމުގެ އިހްތިޔާރު މިނިސްޓްރީއާއި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އެ ކަންކަން ބެލުމަށާއި، ފެންވަރު ވަޒަންކުރުމަށް މިނިސްޓްރީއާއި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ފަރާތުން ކުރާ މަސައްކަތަށް މަރުކަޒުން އެހީތެރިވެ، އެއްބާރުލުން ދޭންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އެ ކަންކަން ބަލައި ފެންވަރު ވަޒަންކުރުމަށްފަހު، ދޭ ލަފަޔާ އެއްގޮތަށް އިސްލާހު ކުރުމަށް ޓަކައި މަރުކަޒަށް 6 (ހައެއް) މަސްދުވަހުގެ މުއްދަތު ދެވޭނެއެވެ.

(ޅ) މަރުކަޒު ރަޖިސްޓަރީކުރުމަށްފަހު، އެ މަރުކަ ޒެއްގެ ފެންވަރު ހިފެހެއްޓިފައިވޭތޯ، ކޮންމެ 
3 (ތިނެއް) އަހަރަކުން، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން އޮޑިޓް ކުރާނެއެވެ. މި އޮޑިޓް ކުރިޔަށްގެންދެވޭނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ "އިންސްޓިޓިއުށަނަލް އޮޑިޓް ގައިޑްލައިން" އާ އެއްގޮތަށެވެ.

(ކ) މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ ނުވަތަ ރެގިއުލޭޓަރީ ބޮޑީއަކުން ހުއްދަ ލިބިގެން ހިންގަންޖެހޭ ޕްރޮގްރާމެއް ނަމަ، އެ ޕްރޮގްރާމާ ގުޅޭ ކަންކަން ބެލުމުގެ އިހްތިޔާރު އެ ފަރާތްތަކަށް ލިބިގެންވެއެވެ.

(އ) މި މާއްދާގެ (ޅ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް މަރުކަޒެއްގެޕްރޮގްރާމެއް ހިންގުމުގައި ނުވަތަ ކިޔަވައިދިނުމުގައި މައްސަލައެއް ދިމާވެއްޖެ ނަމަ، ނުވަތަ ކިޔަވައިދިނުމުގެ ފެންވަރަށް އަސަރުކުރާނޭ ފަދަ އެއްވެސް ކަމެއް ދިމާވެއްޖެ ކޮންމެ ހިނދެއްގައި، އެ ކަމެއް ބަލައި ތަހުގީގު ކުރުމުގެ އިހްތިޔާރު މިނިސްޓްރީއާއި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ވ) ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުން ހިންގާ ކޮލެޖުތަކުގައި ހިންގާ ގައުމީ ސަލާމަތާ ގުޅުންހުރި ޕްރޮގްރާމްތަކުގެ ލިޔެކިޔުންތަކާއި، އެ ޕްރޮގްރާމްތަކުގައި ކިޔަވައިދޭ ގޮތާއި، އެ ޕްރޮގްރާމްތައް އެސެސްކުރާގޮތާއި، އެފަދަ ޕްރޮގްރާމްތަކުގެ އިމްތިހާނު ކަރުދާސްތަކާއި،މާކްސްތަކާއި، އެފަދަ ޕްރޮގްރާމްތަ ކުގައި ކިޔަވައިދޭ ފަރާތްތަކަށް ކޮލެޖުން އަޅާ ފިޔަވަޅުތައް ބެލުން، ފެންވަރު ހިފެހެއް ޓޭކަން ކަށަވަރު ކުރުމަށް ކުރާ އޮޑިޓުގެ ތެރެޔަކު ނުހިމެނޭނެއެވެ.

 

23 ވަނަ މާއްދާ - ރަޖިސްޓަރީއަށް ބަދަލު ގެނައުމާއި އަލުން ހެއްދުން

ރަޖިސްޓަރީ ކުރުމަށްފަހު ރަޖިސްޓަރީއަށް ބަދަލެއް ގެންނަ ނަމަ، ނުވަތަ ރަޖިސްޓަރީ ގެއްލިގެން ނުވަތަ ހަލާކުވެގެން އައު ރަޖިސްޓަރީއެއް ހައްދަން އެދޭނަމަ، އެކަމަށް އެދި މަސްއޫލުވެރިޔާގެ ސިޓީއަކުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

24 ވަނަ މާއްދާ - ރަޖިސްޓަރީ ބާތިލުކުރުން

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން، އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކާހުރެ އެ މަރުކަޒެއްގެ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ރަޖިސްޓަރީކުރުމަށްފަހު މަރުކަޒުގެ ފެންވަރު ބެލުމަށް އޮޑިޓްކުރުމުން އެ މަރުކަޒުގެ އުނގެނުމާއި އުނގަންނައިދިނުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ނުހިފެހެއްޓި،އެ ތަނުގެ ކިޔަވައިދިނުމުގެ ފެންވަރު ދަށަށް ދިއުން؛
  2. އެއްވެސް ޕްރޮގްރާމެއް ނުވަތަ ކޯހެއް ނުހިންގާތާ 1 (އެކެއް) އަހަރުދުވަސް ވުން؛
  3. ތަމްރީނު މަރުކަޒު ރަޖިސްޓަރީކޮށްފައިވާ އިދާރާގެ މަސައްކަތް އެހެން އިދާރާއަކަށް ބަދަލުނުވެ އެ އިދާރާ އުވައިލުން؛
  4. ދައުލަތުގެ އިދާރާއަކުން އެ އިދާރާއެއްގެ މަރުކަޒު އުވައިލަން އެދުން.

(ށ) މަރުކަޒު އުވައިލާއިރު އެއްވެސް ޕްރޮގްރާމެއް ނުވަތަ ކޯހެއް ހިނގަމުންދާ ނަމަ، އެ ކޯސް ނުވަތަ ޕްރޮގްރާމް ނިމެންދެން ތަމްރީނު މަރުކަޒު އުވައިނުލައި ކުރިޔަށް ގެންދެވޭނެއެވެ. އަދި މަރުކަޒުގައި ކޯސް ފުރިހަމަކުރުމަށް ދަތިވާނަމަ، އެންރޯލްވެފައިވާ ދަރިވަރުން އެހެން މަރުކަޒެއްގައި ކޯސް ފުރިހަމަކުރެވޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަންވާނެއެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި އިތުރު ދަރިވަރުން ނަގައިގެން އިތުރު ކޯހެއް މަރުކަޒަކަށް ނުހިންގޭނެއެވެ.

(ނ) ދައުލަތުގެ އިދާރާއެއްގެ މަރުކަޒެ އްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ތަމްރީނު މަރުކަޒެއް ނިސްބަތްވާ އިދާރާގެ މަސައްކަތް އެހެން އިދާރާއަކަށް ބަދަލުވެއްޖެ ނަމަ، ބަދަލުވާތާ ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ތަމްރީނު މަރުކަޒު، މިނިސްޓްރީ ގައި އަލުން ރަޖިސްޓަރީ ކުރަންވާނެއެވެ.

(ރ) މަރުކަޒު އުވައިލަން މިނިސްޓްރީން އަންގާ ހިނދު، އެއްވެސް ޕްރޮގްރާމެއް ނުވަތަ ކޯހެއް އެ މަރުކަޒުގައި ހިނގަމުންދާ ނަމަ، އެ ކޯސް ނުވަތަ ޕްރޮގްރާމް ނިމެންދެން ކުރިޔަށް ގެންދަންވާނެއެވެ. ނުވަތަ އެންރޯލްވެފައިވާ ދަރިވަރުން އެހެން މަރުކަޒެއްގައި ޕްރޮގްރާމް ފުރިހަމަ ކުރެވޭނެ އިންތިޒާމު އެ މަރުކަޒަ ކުން ހަމަޖައްސައިދޭންވާނެއެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި އިތުރު ދަރިވަރަކު އެންރޯލްކޮށް، އިތުރު ޕްރޮގްރާމެއް ފަށައިގެން ނުވާނެއެވެ.

(ބ) މަރުކަޒު އުވައިލަން މަސްއޫލުވެރި ފަރާތުން އެދޭއިރު، އެއްވެސް ޕްރޮގްރާމެއް ނުވަތަ ކޯހެއް ހިނގަމުންދާ ނަމަ، އެ ޕްރޮގްރާމެއް ނުވަތަ ކޯހެއް ނިމެންދެން އެ މަރުކަޒު އުވައިނުލައިކުރިޔަށް ގެންދެވޭނެއެވެ. އަދި މަރުކަޒުގައި އެ ޕްރޮގްރާމެއް ނުވަތަ ކޯހެއް ފުރިހަމަކުރުމަށް ދަތިވާނަމަ، އެންރޯލްވެފައިވާ ދަރިވަރުން، މަތީ ތައުލީމާއި ތަމްރީނުދޭ އެހެން މަރުކަޒެއްގައި އެ ޕްރޮގްރާމް ނުވަތަ ކޯސް ފުރިހަމަ ކުރެވޭނެ އިންތިޒާމު މަސްއޫލުވެރި ފަރާތުން ހަމަޖައްސައިދޭން ވާނެއެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި އިތުރު ދަރިވަރުން ބައިވެރިކުރާ އިތުރު ޕްރޮގްރާމެއް ނުވަތަ ކޯހެއް އެ މަރުކަޒަކަށް ނުހިންގޭނެއެވެ.

(ޅ) މަރުކަޒު ހިންގުން ހުއްޓައިލަން ބޭނުންވާނަމަ، ހުއްޓައިލަން ކަނޑައަޅާ ތާރީހުގެ 10 (ދިހައެއް) ދުވަހުގެ ކުރިން މަސްއޫލުވެރިޔާ އެކަން މިނިސްޓްރީއަށް ލިޔުމުން އަންގަންވާނެއެވެ. 

 

ތިންވަނަ ބާބު

ދައުލަތުގެ އިދާރާތަކުން ކޮލެޖްތައް ހިންގުން ހިންގުން

 

25 ވަނަ މާއްދާ - ހިންގުން

(ހ) ކޮލެޖުތައް ހިންގުމުގައި ބޭނުންކުރާ ނިޒާމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ. ކޮލެޖު ހިންގަންވާނީ، ކޮލެޖު ހިންގުމުގެ އެންމެހައި ބާރުތައް ލިބިގެންވާ ހާއްސަ ކައުންސިލަކުންނެވެ.

(ށ) އެ ކޮލެޖެއް ހިންގުމާ ހަވާލުވެހުރި އިސްވެރިޔާއާއެކު ފުލްޓައިމް މުވައްޒަފުންގެ ތެރެއިން އެ ފަރާތެއް އައްޔަނުކުރާ 2 (ދޭއް) ފަރާތަކާއެކު، ކައުންސިލުގައި މަދުވެގެން ފުލްޓައިމް 3 (ތިނެއް) މުވައްޒަފުން ހިމެނެންވާނެއެވެ. މީގެ އިތުރުން، ދަރިވަރުންގެ ތެރެއިން ދަރިވަރުން ތަމްސީލުކުރާނެ ފަރާތެއް ހިމަނަންވާނެއެވެ.

(ނ) ކައުންސިލަށް ލިބިގެންވާ ބާރުތައް، ކައުންސިލަށް ފެނިއްޖެ ހިނދެއްގައި އެ ކޮލެޖެއްގައި އުފައްދައިފައިވާ އެހެން ކޮމެޓީތަކާއި ބޯޑުތަކަށް ނުވަތަ މުވައްޒަފަކަށް ހަވާލުކުރެވިދާނެއެވެ. ނަމަވެސް މިގޮތަށް ހަވާލުކުރާ ކަންކަމުގައި ވެސް ޒިންމާދާރު ފަރާތަކީ ކައުންސިލެވެ.

(ރ) ކޮލެޖުގެ އަގު ހިފެހެއްޓުމާއެކު، ކޮލެޖަކީ ގަދަރުވެރި ތަނަކަށް ހެދުމުގެގޮތުން، ކައުންސިލުގެ މެންބަރުންނަކީ އެ މެންބަރުން ހޮވުމުގެ ކުރިން، ފާއިތުވި 5) ފަހެއް) އަހަރުދުވަހުގެ ތެރޭގައި، ގާނޫނުގައި ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން ށަރުތުކުރަން ވާނެއެވެ.

 

26 ވަނަ މާއްދާ - ބޯޑުތަކާއި ދާއިމީ މުވައްޒަފުން

(ހ) ކޮލެޖު ކައުންސިލުގެ އިތުރުން، ފަންނީ ފަރާތްތަކާއި، ގާބިލް ފަރާތްތަކާއި، ކަމާ ގުޅޭ ފަރާތްތައް ހިމަނައިގެން އެކުލަވައިލާ ބޯޑުތައް، ކޮލެޖު ހިންގުމުގައި ށާމިލު ކުރަންވާނެއެވެ. މީގެ ތެރޭގައި، އެކަޑަމިކް ސެނެޓާއި، ދަރިވަރުންގެ ގްރީވަންސްތައް ބަލާނެ ކޮމިޓީއާއި، ދަރިވަރުންގެ ޖަމްއިއްޔާ ހިމެނެންވާނެއެވެ.ކެމްޕަހުގައި ދޭ ތައުލީމު އިތުރަ ށް ފުރިހަމަކުރުމުގެ ގޮތުން، ކައުންސިލުން އިތުރު ބޯޑުތަކާއި، ފެކަލްޓީތަކާއި، ސެނެޓާއި، ސްކޫލާއި، އިންސްޓިޓުއުޓްތައް އުފެއްދިދާނެއެވެ.

(ށ) ކޮލެޖުގެ ދަރިވަރުންނަށް ދޭ ހިދުމަތްތަކަށާއި ކޮލެޖުގެ މަގުސަދުތައް ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބޭނުންވާ އަދަދަށް ފަންނީ މުވައްޒަފުންނާއި، އިދާރީ މުވައްޒަފުންނާއި، އެހެނިހެން މުވައްޒަފުން ތިބެންވާނެއެވެ.

(ނ) ކޮލެޖުގެ މަގުސަދުތަކާއި، ކޮލެޖުގެ ކައުންސިލް އުފައްދާނެ ގޮތާއި، ބޯޑުތައް އުފައްދާނެ ގޮތާއި، ބޯޑުތަކުގެ މަސްއޫލިއްޔަތާއި، ކައުންސިލް މެންބަރުންގެ މަސްއޫލިއްޔަތާއި، މެންބަރުކަމުގެ ދައުރާއި، ދަރިވަރުން ވެއްދުމާއި، ކެމްޕަހުގެ ކަލަންޑަރު އެކުލަވައިލުމާއި، މިނޫނަސް ކޮލެޖުގައި ހިނގާ ހުރިހާ ރަސްމީ މުހިންމު ކަންކަން ހިންގާނެ އުސޫލު އެ ކޮލެޖަކުން އެކުލަވައިލައި، އެ ތަކެތި ވެބްސައިޓުގައި އާންމުކޮށް، ކޮލެޖުގެ ހުރިހާ މުވައްޒަފުންނާއި ދަރިވަރުންނަށް ފެންނަން ހުންނަންވާނެއެވެ.

 

27 ވަނަ މާއްދާ - އުސޫލުތައް އެކުލަވައިލުން

(ހ) ދަރިވަރުންނާ ގުޅޭ މި ފަދަ އުސޫލުތައް ދަރިވަރުންނަށް ފެންނާނޭހެން ވެބްސައިޓުގައި އަޕްލޯޑްކޮށްފައި ހުންނަންވާނެއެވެ.

(ށ) ގަވާއިދުތައް ހެދުމުގައްޔާއި، ދަރިވަރުންނާއި މުވައްޒަފުންގެ ތެރެއިން ކައުންސިލާއި ބޯޑުތަކާއި ކޮމިޓީތައް ތަމްސީލުކުރާ ފަރާތްތައް ހޮވުމުގައި، ވޯޓުލުންފަދަ ގޮތްތައް ހިމަނައިގެން ކަނޑައަޅާ އުސޫލުގެ ތެރެއިން ވީހާވެސް އިންސާފުވެރި ގޮތަކަށް އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަންވާނެއެވެ.

(ނ) އުސޫލުތައް ހަދައިފައި ހުންނަންވާނީ، ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނާއި، ގަވާއިދުތަކާއި،ސަގާފަތާއި، އާދާކާދަތަކާއި އަދި އިސްލާމްދީނާ ހިލާފު ނުވާނޭ ގޮތަށެވެ.

(ރ) މަރުކަޒު ރަޖިސްޓަރީ ކުރުމަށާއި، ރަޖިސްޓަރީއަށް ބަދަލުގެނައުމަށާއި، ރަޖިސްޓަރީ އަލުން ހެއްދުމަށް، ތިރީގައިވާ ގޮތުގެ މަތީން ފީ ދައްކަންވާނެއެވެ.

 

28 ވަނަ މާއްދާ - ރަޖިސްޓްރޭށަންފީ

(ހ) އަލަށް ރަޖިސްޓަރީކުރުމަށް 5000 (ފަސްހާސް) ރުފިޔާ.
(ށ) އައުޓްރީޗް ސެންޓަރާއި ކެމްޕަސް ރަޖިސްޓަރީކުރުމަށް 1000 (އެއްހާސް) ރުފިޔާ.

(ނ) ރަޖިސްޓަރީ ކުރުމަށްފަހު ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ގެންނަނަމަ، 2500 (ދެހާސް ފަސްސަތޭކަ) ރުފިޔާ. 

(ރ) ރަޖިސްޓަރީ ގެއްލިގެން ނުވަތަ އެހެނިހެން ސަބަބަކާހުރެ އައުކުރަން އެދޭނަމަ، 2500 (ދެހާސް ފަސްސަތޭކަ) ރުފިޔާ.

 

ހަތަރުވަނަ ބާބު

އާންމު މާއްދާތައް

 

29 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު، ގަވާއިދު ނަންބަރު 2022-70 (މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ށަކުވާތައް ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އާއި، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.  

 

30 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައިވަނީ ތިރީގައިވާ މާނައިގައެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ށ) "މަތީ ތައުލީމާއި ތަމްރީނު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ މަރުކަޒެއްގައި ދޭ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލަކަށް ފެތޭ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތަކަށާއި، ނޭށަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްގައި ބަޔާންކޮށްފައިވާ، އަދި އެ ސްޓޭންޑަޑަށް ތައްޔާރުކޮށް ހިންގާ، މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކަށެވެ.

(ނ) "މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނު ދިނުމަށް ދައުލަތުގެ އިދާރާއަކުން މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ކޮލެޖް ނުވަތަ އިންސްޓިޓިއުޓަށެވެ.

(ރ) "ފުލްޓައިމް ދަރިވަރުން" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ފުލްޓައިމް ކޯސްތައް ކަމަށް ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭ، ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށެވެ.

(ބ) "އިން-ސަރވިސް ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އިދާރާތަކުން، އެ އިދާރާއެއްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮފެށަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކަށެވެ.

(ޅ) "ފުލްޓައިމް ލެކްޗަރަރ" އިން ކަމަށް ބުނެފައި އެވަނީ، އިންސްޓިޓިއުޓެއްގައި ނޫނީ ކޮލެޖެއްގައި ކޮންމެ ހަފުތާއަކު މަދުވެގެން 25) ފަންސަވީސް) ގަޑިއިރު ކިޔަވައިދިނުމުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.

(ކ) އިންސްޓިޓިއުށަނަލް އޮޑިޓް" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކޮށް ވަޒަންކުރުމަށް ބޭނުންކުރާ މިންގަނޑަށެވެ.

(އ) "އިންސްޓިޓިއުޓް" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް ދައުލަތުގެ އިދާރާއަކުން އިންސްޓިޓިއުޓެއްގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަންތަނަށެވެ.

(ވ) "އައުޓްރީޗް ސެންޓަރު" ކަމަށް ބުނެފައި އެވަނީ، އިންސްޓިޓިއުޓުގެ މައި މަރުކަޒު ފިޔަވައި އެހެން ތަނެއްގައި، އެ މަރުކަޒަކުން ދޭ ހިދުމަތްތަކެއް ދިނުމަށް ގާއިމްކުރާ ގޮތްޕަށެވެ.

(މ) "ކޮލެޖް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ދައުލަތުގެ އިދާރާއަކުން ކޮލެޖެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ، މަތީ ތައުލީމާއި ތަމްރީނުދޭ ހުރިހާ ތަންތަނަށެވެ.

(ފ) "ކެމްޕަސް" ކަމަށް ބުނެފައި އެވަނީ، ކޮލެޖްތަކުގެ މައި މަރުކަޒު ފިޔަވައި އެހެން ތަނެއްގައި އެ މަރުކަޒަކުން ދޭ ހިދުމަތްތަކެއް ދިނުމަށް ގާއިމުކުރާ ގޮތްޕަށެވެ.

(ދ) "އިންސްޓިޓިއުޓް ހިންގާ އިސްވެރިޔާ" ކަމަށް ބުނެފައި އެވަނީ، އިންސްޓިޓިއުޓުގެ ހިންގުމުގެ އެންމެހައި ކަންކަމުގައި ހަވާލުވެ ހުންނަ އިސް ފަރާތަށެވެ.

(ތ) "ކޮލެޖް ހިންގާ އިސްވެރިޔާ" ކަމަށް ބުނެފައި އެވަނީ، ކޮލެޖުގެ ހިންގުމުގެ އެންމެހައި ކަންކަމުގައި ހަވާލުވެ ހުންނަ އިސް ފަރާތަށެވެ.

(ލ) "ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފުތަރު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ރަޖިސްޓަރީކުރުމަށްފަހު އާންމުކޮށްފައިވާ ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ލިސްޓަށެވެ.

(ގ) "ރެގިއުލޭޓަރީ ބޮޑީ" ކަމަށް ބުނެފައި އެވަނީ، ވަކި ހާއްސަ ދާއިރާތަކެއްގެ މަސައްކަތްތައް ރެގިއުލޭޓްކޮށް ލައިސަންސް ދިނުމަށް އުފައްދައިފައިވާ ގާނޫނީ ށަހްސުތަކަށެވެ.

(ޏ) "ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުން ހިންގާ ކޮލެޖް" ކަމަށް ބުނެފައި އެވަނީ، ދިވެހި ސިފައިންނާއި ފުލުހުންގެ ހިދުމަތުން މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގަމުންގެންދާ ކޮލެޖުތަކަށެވެ.

(ސ) "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށެވެ.

 

31 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ދައުލަތުގެ އިދާރާތަކުން، މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-74)

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 2021-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު