ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު
(އުސޫލު ނަންބަރު 2026-12)
(މި އުސޫލަށް އަމަލުކުރަން ފެށީ 1 އެޕްރީލް 2026 ގައި)
(މި އުސޫލުގެ 26 ވަނަ މާޢްދާގެ (ހ) އިން ވަނީ އުސޫލު ނަންބަރު 2025-10 އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި އުސޫލަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމާއި ތަމްރީނު ހޯދަން ބޭނުންވާ ދިވެހިންނަށް ލޯނުގެ ގޮތުގައި މާލީ އެހީ ދިނުމާއި، ލޯނު ދިނުމުގައި ބަލާނެ މިންގަނޑުތަކާއި ލޯނު ދޭނެ ކަންތައްތަކާއި، ލޯނުގެ ބޭނުންހިފުމާއި، ލޯނު އަނބުރާ ދެއްކުމާ ގުޅޭ ކަންކަން ބަޔާންކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ (ކ) ގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.
(ށ) މި އުސޫލަށް ކިޔާނީ "ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ މަގުސަދަކީ، ރާއްޖޭގެ ގައުމީ ތަރައްގީއަށް ބޭނުންވާ ގާބިލު ދިވެހިން ބިނާކޮށް ވަޒީފާއަށް ނެރުމަށް ސަރުކާރުގެ މަތީ ތައުލީމާއި ތަމްރީނުގެ ސިޔާސަތުގެ ދަށުން ދަރިވަރުންނަށް ކިޔެވުމާއި ތަމްރީނު ހޯދުމަށް ބޭނުންވާ މާލީ އެހީ، ލޯނުގެ ގޮތުގައި ލިބޭނެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.
3 ވަނަ މާއްދާ - ލޯނަށް އެދެވޭނެ ފަރާތްތަކުގެ ށަރުތުތައް
މި އުސޫލުގެ ދަށުން ލޯނަށް އެދެވޭނީ، އަންނަނިވި ށަރުތުތައް ހަމަވާ ފަރާތްތަކަށެވެ.
(ހ) އުމުރުން 16 (ސޯޅަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުން.
(ށ) ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި މަރުކަޒަށް ހާޒިރުވެގެން ކިޔަވަން ހުށަހަޅާ ފަރާތަކަށް ވުން.
(ނ) މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮގުރާމުތަކުގެ ތެރެއިން ޕްރޮގުރާމެއް ފުރިހަމަކުރަން ހުށަހަޅާ ފަރާތަކަށް ވުން.
(ރ) ހާސިލުކޮށްފައިވާ ސަނަދަށް ވުރެ މަތީ ފެންވަރުގެ ސަނަދެއް ލިބޭ ޕްރޮގުރާމެއް ފުރިހަމަކުރަން ހުށަހަޅާ ފަރާތަކަށް ވުން. ނުވަތަ
ޕްރޮފެށަނަލް ލައިސަންސް ޕްރޮގުރާމެއް ފުރިހަމަކުރަން ހުށަހަޅާ ނަމަ، އެމް.އެން.ކިއު.އެފްގެ ލެވެލް 7 ނުވަތަ އެޔަށް ވުރެ މަތީ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައި ނުވާ ފަރާތަކަށް ވުން ނުވަތަ
މެޑިކަލް ސްޕެށަލައިޒޭށަން ފެލޯށިޕް ޕްރޮގުރާމެއް ފުރިހަމަކުރަން ހުށަހަޅާ ފަރާތެއް ނަމަ، ހާސިލުކޮށްފައިވާ ސަނަދާ އެއްވަރުގެ ނުވަތަ އެޔަށް ވުރެ މަތީ ފެންވަރުގެ ސަނަދެއް ލިބޭ ޕްރޮގުރާމެއް ފުރިހަމަކުރަން ހުށަހަޅާ ފަރާތަކަށް ވުން
(ބ) ފުރިހަމަކުރަން ހުށަހަޅާ ޕްރޮގުރާމުގައި ކިޔެވުމަށް ޕްލޭސްމަންޓް ލިބިފައިވާ ފަރާތަކަށް ވުން ނުވަތަ ލޯނަށް އެދި ހުށަހަޅާއިރު ކިޔަވަމުންދާ ފަރާތެއް ކަމުގައި ވުން
(ޅ) ކިޔަވަން ހުށަހަޅާ ފެންވަރަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ދައުލަތުން ނުވަތަ އެހެން ފަރާތަކުން ހިލޭ އެހީގެ ގޮތުގައި ނުވަތަ ލޯނެއްގެ ގޮތުގައި ހަމަޖެހިފައި ނެތް ފަރާތަކަށް ވުން. ނުވަތަ
ދައުލަތުން ނުވަތަ އެހެން ފަރާތަކުން ހިލޭ އެހީގައި ނުވަތަ ލޯނުގައި ނުވަތަ އަމިއްލައަށް ހަރަދުތައް ހަމަޖައްސައިގެން ކިޔަވަން ގޮސްފައިވާ ފަރާތެއް ނަމަ އަދި ދައުލަތުން ހަމަޖެހިފައިވާ ފަންޑިންގއިން ކިޔެވުމުގެ ހަރަދުތައް ހަމަނުޖެއްސިއްޖެ ހާލަތެއްގައި، އެ ހަރަދުތައް ހަމަޖެއްސުމަށް ލޯނަށް އެދޭ ފަރާތްތަކަށް ވުން
(ކ) މިނިސްޓްރީ މެދުވެރިވެގެން މަތީ ތައުލީމާއި ތަމްރީން ހާސިލުކުރުމަށް ކުރިން ލޯން ނަގައިފައިވާ ނަމަ، އެ ލޯނުގެ ޑިފޯލްޓެއް ނެތް ފަރާތަކަށް ވުން
(އ) ލޯނު ނަގާ ފަރާތަށް އެ ލޯނުގެ ފައިސާ އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި، ފައިސާ ދެއްކުމުގެ މަސްއޫލިއްޔަތު އުފުލަން އެއްބަސްވާ ގެރެންޓަރއެއް ހުރި ފަރާތަކަށް ވުން. މިގޮތުން ހުށަހަޅާ ގެރެންޓަރއަކީ ލޯނު ނަގާ ފަރާތުގެ އާއިލާގެ މެންބަރަކަށް ވުން އަދި އެ ފަރާތަކީ އުމުރުން 18 (އަށާރަ) އަހަރާއި 65 (ފަސްދޮޅަސް ފަހެއް) އަހަރާ ދެމެދުގެ މީހަކަށް ވުމާއެކު، ލޯނު އަދާކުރުމުގެ މާލީ ގާބިލްކަން ހުރިކަން ސާބިތުކޮށްދެވޭ ފަރާތަކަށް ވުން
(ވ) ކިޔަވަން އެދޭ ޕްރޮގުރާމުގައި ބައިވެރިވުމަށް އެމް.އެން.ކިއު.އެފްގައި ކަނޑައަޅައިފައިވާ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވެ، އެމް.ކިއު.އޭއިން ދޫކުރާ ރިކޮގްނިށަން އޮފް އިންޓެންޑެޑް ޕްރޮގުރާމުގެ ލިޔުން ލިބިފައިވާ ފަރާތަކަށް ވުން
(މ) އެޕްލިކޭށަން ހުށަހަޅާއިރު އެ ވަގުތަށް މިނިސްޓްރީން ކަނޑައަޅައިފައިވާ "ނޭށަނަލް ޓްރެއިނިންގ ނީޑްސް" ލިސްޓުގައި ހިމެނޭ ދާއިރާއެއްގެ ޕުރޮގުރާމެއް ފުރިހަމަކުރަން އެދޭ ފަރާތަކަށް ވުން.
(ފ) ރާއްޖެއިން ބޭރުގައި ކިޔަވަން އެދޭ ފަރާތެއް ނަމަ، ރާއްޖޭގައި ފުރިހަމަކުރެވެން ނެތް ޕުރޮގުރާމެއް ފުރިހަމަކުރަން އެދޭ ފަރާތެއް ކަމުގައި ވުން ނުވަތަ ރާއްޖޭގައި ކިޔަވައިދޭ ޕުރޮގުރާމެއް ނަމަވެސް، ރާއްޖެއިން ބޭރުގައި ވެސް ކިޔެވިދާނެ ޕުރޮގުރާމެއް ކަމަށް މިނިސްޓްރީން ހުއްދަދޭ ޕުރޮގުރާމެއް ފުރިހަމަކުރަން އެދޭ ފަރާތެއް ކަމުގައި ވުން.
(ދ) މިނިސްޓްރީން އިއުލާނުކޮށްފައިވާ ފުލް ސްކޮލަރށިޕަކަށް ހޮވިފައިވާކަމަށް ސްކޮލަރށިޕް ދޭ ފަރާތުން އަންގައިފައިވާ ފަރާތެއް ކަމުގައި ނުވުން.
(ތ) ދިވެހިރާއްޖޭގެ ކޮންސިއުލަރ މިށަންތަކުގައި ފުލްޓައިމް ވަޒީފާ އަދާކުރާ ފަރާތެއް ކަމުގައި ނުވުން. ނަމަވެސް، ދިވެހިރާއްޖޭގެ ކޮންސިއުލަރ މިށަންތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ އާއިލާގެ މެންބަރުން މި މާއްދާގެ (ތ) އިން އިސްތިސްނާވާނެއެވެ.
4 ވަނަ މާއްދާ - ކިޔެވޭނެ ލެވެލް
(ހ) މި ސްކީމުގެ ދަށުން ފުރުސަތު ދޭނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ މަރުކަޒެއްގައި އެ އޮތޯރިޓީން ގަބޫލުކުރާ ތިރީގައި ބަޔާންކޮށްފައިވާ ޕުރޮގުރާމުތަކުގެ ތެރެއިން ޕްރޮގުރާމެއް ފުލްޓައިމްކޮށް ކިޔެވުމަށެވެ.
- އެމް.އެން.ކިއުއެފް.ގެ ލެވެލް 5 އިން ފެށިގެން 10 ލެވެލް މިންގަނޑުތަކަށް ހުރި ޕްރޮގުރާމުތައް ނުވަތަ
- ޕްރޮފެށަނަލް ލައިސަންސް ޕްރޮގުރާމުތައް ނުވަތަ
- މެޑިކަލް ސްޕެށަލައިޒޭށަން ފެލޯށިޕް ޕްރޮގުރާމުތައް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްރޮގުރާމުތަކުގައި ކިޔަވާ ދަރިވަރުންގެ ކޯހުގެ ބައެއްގެ ގޮތުގައި ކޮންމެހެން ފުރިހަމަކުރަންޖެހޭ ކަމަށް ކަނޑައަޅައިފައިވާ ޖުމުލަ 1 (އެއް) އަހަރުދުވަހަށް ވުރެ ދިގުނޫން އިންޓަރންށިޕް ޕްރޮގުރާމުތަކަށް މި ސްކީމުގެ ދަށުން ފުރުސަތު ދެވޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިންޓަރންށިޕެއްގައި ބައިވެރިވާ ދަރިވަރުން، އެ ކޯހުގެ ބައެއްގެ ގޮތުގައި ނުވަތަ ކޯހުގެ ސަނަދު ހާސިލުކުރުމަށް އިންޓަރންށިޕް ފުރިހަމަކުރަންޖެހޭ ކަމުގެ ތަފުސީލު މިނިސްޓްރީއަށް ހުށަހަޅައި، އެ ކަމުގެ ހުއްދަ، ލިޔުމުން، ހޯދަންވާނެއެވެ.
5 ވަނަ މާއްދާ - ފުރިހަމަކުރެވޭނެ ޕްރޮގުރާމުތަކާއި މުއްދަތު
(ހ) މި އުސޫލުގެ ދަށުން ކިޔަވަން އެދޭ ޕްރޮގުރާމަކީ ތިރީގައި ބަޔާންކޮށްފައިވާ ފެންވަރުތަކުގެ ތެރެއިން ފެންވަރަކަށް ފެތޭ، އަދި އެ މުއްދަތެއްގެ ޕްރޮގުރާމަކަށް ވާންވާނެއެވެ:
- ޑިޕްލޮމާ ޕްރޮގުރާމެއް ފުރިހަމަކުރާ ނަމަ، 3 (ތިނެއް) އަހަރުދުވަސް ނުވަތަ އެޔަށް ވުރެ ކުރު މުއްދަތެއްގެ ޕްރޮގުރާމެއް ކަމުގައި ވުން؛
- ބެޗްލަރސް ޑިގްރީ ނުވަތަ ބެޗްލަރސް ޑިގްރީ އޮނަރސްއާއެކު ފުރިހަމަކުރާ ޕްރޮގުރާމެއް ނަމަ، 4 (ހަތަރެއް) އަހަރުދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޕްރޮގުރާމެއް ކަމުގައި ނުވުން؛
- މާސްޓަރސް ޑިގްރީ ޕްރޮގުރާމެއް ފުރިހަމަކުރާ ނަމަ، 2 (ދޭއް) އަހަރުދުވަސް ނުވަތަ އެޔަށް ވުރެ ކުރު މުއްދަތެއްގެ ޕްރޮގުރާމެއް ކަމުގައި ވުން؛
- ޑޮކްޓޯރަލް ޑިގްރީ ޕްރޮގުރާމެއް ފުރިހަމަކުރާ ނަމަ، 4 (ހަތަރެއް) އަހަރުދުވަސް ނުވަތަ އެޔަށް ވުރެ ކުރު މުއްދަތެއްގެ ޕްރޮގުރާމެއް ކަމުގައި ވުން؛
- އެމް.ބީ.ބީ.އެސް ޕްރޮގުރާމެއް ނަމަ، އިންޓަރންށިޕާއެކު 6 (ހައެއް) އަހަރުދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޕްރޮގުރާމެއް ކަމުގައި ނުވުން؛
- މެޑިކަލް ސްޕެށަލައިޒޭށަން ފެލޯށިޕް ޕްރޮގުރާމެއް ނަމަ، 3 (ތިނެއް) އަހަރުދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޕްރޮގުރާމެއް ކަމުގައި ނުވުން؛
(ށ) ލޯނު ނަގައިގެން އެމް.އެން.ކިޔ.އެފްގެ އެއްވެސް ލެވެލަކަށް ފެތޭ ޕްރޮގުރާމެއް ފުރިހަމަކުރާ ނަމަ، ފުރިހަމަކުރަންވާނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ މަރުކަޒެއްގައި، އޮތޯރިޓީން ގަބޫލުކުރާ ޕްރޮގުރާމެކެވެ.
(ނ) ޕްރޮފެށަނަލް ދާއިރާތަކުން ނުވަތަ ލައިސަންސިންގ ދާއިރާތަކުން ކިޔެވުމަށް އެދޭއިރު، އެދެންވާނީ، ކިޔެވި ދާއިރާއިން މަސައްކަތްކުރުމަށް ހުއްދަދޭ ރެގިޔުލޭޓަރ އޮތޯރިޓީން (މިސާލ: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭށަން އޮތޯރިޓީ) އެ ޕްރޮގުރާމަކަށް ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވުމާއެކު، އެ ފަރާތްތަކުން ގަބޫލުކުރާ މަރުކަޒެއްގައި، ގަބޫލުކުރާ ޕްރޮގުރާމެއް ފުރިހަމަކުރުމަށެވެ.
6 ވަނަ މާއްދާ - ކިޔަވަން ދެވޭނެ ގައުމުތައް
(ހ) ލޯނުގެ ދަށުން ކިޔެވުމުގެ ފުރުސަތު ދެވޭނީ، ދިވެހިރާއްޖޭގައި ހުރެގެން ކިޔެވުމަށާއި ރާއްޖެއާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކުގެ ތެރެއިން، ދަރިވަރުން ކިޔަވަން ތިބުމަށް ރައްކާތެރިކަމަށް ކަނޑައަޅާ ގައުމުތަކުގައި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި ކިޔެވުމަށެވެ.
(ށ) ދެ މަރުކަޒެއް ގުޅިގެން އެއް ގައުމަށް ވުރެ ގިނަ ގައުމުގައި ކިޔަވާގޮތަށް ހަމަޖެހިފައިވާ "ޓްވިނިންގ" ޕްރޮގުރާމުތަކުގައި ކިޔެވުމަށް ދަރިވަރުންނަށް ފުރުސަތު ދެވިދާނެއެވެ.
(ނ) ރާއްޖެއިން ފުރިހަމަކުރެވެން ހުރި ޕްރޮގުރާމެއްގައި ކިޔަވަން އެދޭ ދަރިވަރެއް ނަމަ ކިޔެވުމުގެ ފުރުސަތު ދެވޭނީ ރާއްޖޭގައި ކިޔެވުމަށެވެ. ރާއްޖޭގައި ފުރިހަމަކުރެވެން ނެތް ޕްރޮގުރާމެއް ފުރިހަމަކުރަން އެދޭ ފަރާތަކަށް ރާއްޖެއިން ބޭރުގައި ކިޔެވުމަށް ފުރުސަތު ދެވޭނެއެވެ. ނަމަވެސް މި އުސޫލުގެ 3 ވަނަ މާއްދާގެ (ގ) ގައި ބަޔާންކޮށްފައިވާ ފަދައިން، ރާއްޖޭގައި ކިޔަވައިދޭ ޕްރޮގުރާމެއް ވެސް ރާއްޖެއިން ބޭރުގައި ވެސް ކިޔެވިދާނެކަމަށް މިނިސްޓްރީން ކަނޑައަޅައިފި ނަމަ، އެ ޕްރޮގުރާމަކަށް ރާއްޖެއިން ބޭރުގައި ކިޔެވުމަށް ފުރުސަތު ދެވިދާނެއެވެ.
(ރ) ލޯނުގެ ދަށުން، ރާއްޖެއިން ބޭރުގައި ކިޔެވުމަށް ފުރުސަތު ދެވޭނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
- ލޯނުގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވާ ގައުމެއްގައި ކިޔެވުމަށް؛
- ލޯނުގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވާ ގައުމުތައް ފިޔަވައި އެހެން ގައުމެއްގައި ކިޔެވުމަށް.
(ބ) ލޯނުގެ ދަށުން، ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ލިސްޓު، "އޮންލައިން" ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
(ޅ) ލޯނުގެ ގޮތުގައި ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވާ ގައުމުތައް ފިޔަވައި އެހެން ގައުމެއްގައި ކިޔެވުމުގެ ފުރުސަތު ހަމަޖައްސައިދޭއިރު، މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދުތަކުގެ ތެރެއިން ޓިއުށަން ފީއަށް ދޫކުރާނެ ފައިސާގެ އަދަދު ކަނޑައަޅާނީ، މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލޯނުގެ ގޮތުގައި ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ތެރެއިން ލޯނަށް ހޮވުނު ފަރާތުން އިހުތިޔާރުކުރާ ކިޔަވައިދޭ މަރުކަޒަށް ދައްކަންޖެހޭ ފީއާއި، ކިޔަވަންދާ މަރުކަޒަށް ދައްކަންޖެހޭ ފީއަށް ބަލައި، ހަރަދު ކުޑަ ގައުމެއްގެ ރޭޓަކުންނެވެ. އަދި ޓިއުށަން ފީގެ އިތުރުން، މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެހެނިހެން ހަރަދުތައް ހަމަޖައްސައިދެވޭނީ، ލޯނަށް ހޮވުނު ފަރާތުން އިހްތިޔާރުކުރާ ހުރިހާ ހަރަދެއް ދިނުމަށް، ހަމަޖެހިފައިވާ ގައުމެއްގެ ރޭޓުންނެވެ.
(ކ) ލޯނުގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުރިހާ ހަރަދެއް ދިނުމަށް، ހަމަޖެހިފައިވާ ގައުމުތައް ފިޔަވައި، އެހެން ގައުމެއްގައި ކިޔެވުމުގެ ހުއްދަ ދަރިވަރަށް ދެވޭނީ، އިތުރުވާ ފައިސާ މަރުކަޒަށް ދެއްކުމަށް ދަރިވަރު ޒިންމާވާކަމަށް އިގުރާރުގައި ސޮއިކުރުމާއެކު މި ފައިސާ ދެއްކޭނެ ގާބިލުކަން ހުރިކަން، އަންގައިދޭ ލިޔެކިޔުން ހުށަހެޅުމުންނެވެ.
(އ) ރާއްޖޭގައި ކިޔެވުމަށް ދޫކޮށްފައިވާ ލޯނެއް އެހެން ގައުމެއްގައި ކިޔެވުމަށް ބަދަލެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް ލޯނު ނަގާ ފަރާތް ކިޔެވުމަށް، އިހްތިޔާރުކޮށްފައިވާ ޕްރޮގުރާމު ހިންގުން ރާއްޖޭގެ މަރުކަޒުން ހުއްޓައިލައި، އެ ޕްރޮގުރާމަކީ ރާއްޖޭގެ އެހެން މަރުކަޒެއްގައި ކިޔަވައިނުދޭ ޕްރޮގުރާމެއްކަމަށް ވެއްޖެ ނަމަ ނުވަތަ ރާއްޖޭގެ އެހެން މަރުކަޒެއްގައި މި ކިޔަވައިދޭ ޕްރޮގުރާމެއްކަމަށް ވިޔަސް، އެ ފަރާތަށް އެ މަރުކަޒެއްގައި ކިޔަވަން ފުރުސަތު ނުލިބޭ ހާލަތެއްގައި، އެހެން ގައުމެއްގައި ކިޔެވުމުގެ ފުރުސަތު އެ ފަރާތަށް ދެވޭނެއެވެ. މި ހާލަތުގައި ލޯނުގެ ޖުމުލަ އަދަދު ކަނޑައަޅާނީ، މި މާއްދާގެ (ހ) ގައިވާ ގޮތަށެވެ.
(ވ) ދިވެހިރާއްޖެ ފިޔަވައި، އެހެން ގައުމެއްގައި ކިޔެވުމަށް ލޯނު ލިބިގެން ކިޔަވަމުން އަންނަ ފަރާތެއް ފުރިހަމަކުރަމުންދާ ޕްރޮގުރާމުގެ ބާކީއޮތް ބައެއް، އެޑްވާންސްޑް ސްޓޭންޑިންގއާއެކު ރާއްޖޭގެ މަރުކަޒެއްގައި ފުރިހަމަކުރެވޭ ހާލަތެއްގައި، އެގޮތަށް އެދޭ ނަމަ، އެ ފަރާތަކަށް ރާއްޖޭގައި ކިޔެވުމުގެ ފުރުސަތު ދެވޭނެއެވެ. މި ހާލަތުގައި ޕްރޮގުރާމުގެ ބާކީއޮތް ބަޔަށް ފައިސާ ދޭނީ ރާއްޖޭގައި ކިޔެވުމަށް ފައިސާ ދިނުމަށް ކަނޑައަޅައިފައިވާ ރޭޓުންނެވެ.
(މ) ބޭރު ގައުމެއްގައި ކިޔަވަމުންދާ ފަރާތަކަށް، ލޯނުގެ ފުރަތަމަ އިންސްޓޯލްމަންޓުގެ ފައިސާ ޖަމާކުރުމަށްފަހު، އެހެން ގައުމަކަށް ކިޔެވުން ބަދަލުކުރުމަށް އެދިއްޖެ ނަމަ، އެކަން ކޮށްދޭނީ ލޯނުގެ ދަށުން ކިޔަވަން ފުރަތަމަ އެދުނު ގައުމުގައި ކިޔެވުމަށް ފައިސާ ދިނުމަށް ކަނޑައަޅައިފައިވާ ރޭޓުން، ލޯނުގެ ޖުމުލަ އަދަދު އިތުރުކޮށްނުދޭ ގޮތަށެވެ. ބަދަލުވާ ގައުމުގެ ރޭޓު، ފުރަތަމަ އެދުނު ގައުމުގައި ކިޔެވުމަށް ފައިސާ ދިނުމަށް ކަނޑައަޅައިފައިވާ ރޭޓަށް ވުރެ ދަށް ނަމަ، ޕްރޮގުރާމުގެ ބާކީއޮތް ބަޔަށް ފައިސާ ހަމަޖައްސައިދެވޭނީ، ބަދަލުވާ ގައުމަކަށް ކަނޑައަޅައިފައިވާ ރޭޓުންނެވެ.
7 ވަނަ މާއްދާ - ލޯނަށް އެދި ހުށަހެޅުން
(ހ) ލޯނަށް އެދި ހުށަހަޅާނީ، ލޯނަށް ކުރިމަތިލުމަށް މިނިސްޓްރީން ހުޅުވައިލުމުން، އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް، އޭގައި ބަޔާންކޮށްފައިވާ ހުރިހައި ލިޔުންތަކާއެކުގައެވެ.
(ށ) ލޯނު ދިނުމަށް ހުޅުވައިލައިފައިވާ ފުރުސަތުތަކުގެ ތަފުސީލާއި، ހުޅުވައިލައިފައިވާ ޖާގައިގެ އަދަދާއި ލޯނުގެ ގޮތުގައި ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ލިސްޓާއި، ލޯނާ ގުޅޭ އިތުރު މައުލޫމާތު، އޮންލައިން ޕޯޓަލުން ލިބެން ހުންނާނެއެވެ.
8 ވަނަ މާއްދާ - ލޯނު ލިބޭނެ ފަރާތްތައް ކަނޑައެޅުމަށް އިސްކަންދޭނެ ތަރުތީބު
ލޯނު ލިބޭނެ ފަރާތްތައް ހޮވުމަށް އިސްކަންދޭނީ، ލޯނަށް އެދި ހުށަހަޅާ ތަރުތީބުން، އެޕްލިކޭށަނާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަވެގެން ހޮވޭ ތަރުތީބުންނެވެ.
9 ވަނަ މާއްދާ - ލޯނު ލިބޭނެ ފަރާތްތައް ކަނޑައެޅުމަށް އިސްކަންދޭނެ ތަރުތީބު ފުރުސަތުގެ ބޭނުންހިފުމަށް ދޭ މުއްދަތު
(ހ) ލޯނަށް އެދި ހުށަހަޅާއިރު ކިޔެވުން ފަށައިފައިނުވާ ދަރިވަރުން، އެޕްލިކޭށަނާއެކު ހުށަހެޅި ޕްލޭސްމަންޓް ލެޓަރގައި ބަޔާންކޮށްފައިވާ ތާރީހުގައި ކިޔެވުން ފަށަންވާނެއެވެ.
(ށ) އެޕްލިކޭށަނާއެކު ހުށަހެޅި ޕްލޭސްމަންޓް ލެޓަރގައި ބަޔާންކޮށްފައިވާ ތާރީހުގައި ކިޔެވުން ފެށެން ނެތް ނަމަ ކިޔެވުން ފަށާ ތާރީހު ފަސްކުރިކަން، މަގުބޫލު އުޒުރަކާއެކު ސަބަބު ބަޔާންކޮށް މިނިސްޓްރީއަށް ލިޔުމުން ހުށަހަޅައިގެން މުއްދަތު އިތުރުކުރަންވާނެއެވެ. މިގޮތުން ފަސްކޮށްފައިވާ ޕްރޮގްރާމެއް ފެށުމަށް، އިތުރަށް ލިބޭނީ ޕްލޭސްމަންޓް ލެޓަރގައި ބަޔާންކޮށްފައިވާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހެވެ. މި މުއްދަތުގެ ތެރޭގައި ޕްރޮގްރާމުގައި ކިޔަވަން ފަށައިފައިނުވާ ނަމަ، ލޯނުގެ ފުރުސަތު ބާތިލުވާނެއެވެ.
(ނ) ލޯނު ލިބިފައިވާ ފަރާތަކަށް، ކަނޑައެޅިފައިވާ މުއްދަތުގައި ޕްރޮގްރާމު ނުނިންމިއްޖެ ހާލަތެއްގައި، ނުނިންމުނު ސަބަބު ބަޔާންކޮށް މަރުކަޒުން ދޫކޮށްފައިވާ ލިޔުން 14 (ސާދަ) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
10 ވަނަ މާއްދާ - ލޯނުގައި ހިމެނޭނެ ހަރަދުތައް
ލޯނު ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ހަރަދުތައް ކުރުމަށް މިނިސްޓްރީން ކަނޑައަޅާ އަދަދަކަށެވެ.
(ހ) ޓިއުށަން ފީ
މިއީ، ދަރިވަރު ކިޔަވާ ކޯހުގެ އެކަޑަމިކް ފީގެ ގޮތުގައި، ކިޔަވާ މަރުކަޒުން އެ ކޯހަކަށް ކަނޑައަޅައިފައިވާ ޖުމުލަ ފީއެވެ. މި ފީގެ ތެރޭގައި، ކިޔެވުމާ ސީދާ ގުޅުންނެތް ކަންކަމުގައި މަރުކަޒުގެ ފަރާތުން ދޭ ހިދުމަތްތަކަށް ނަގާ ފީގެ ހަރަދެއް ނުހިމޭނެއެވެ.
- ޓިއުށަންފީގެ ފައިސާ ދަރިވަރަށް އާންމުކޮށް ދޫކުރުމަށް ހަމަޖެހިފައިވަނީ، ކޮންމެ އަހަރަކު އެއްފަހަރުއެވެ.
- ލޯނުގެ ގޮތުގައި ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވާ ގައުމުތައް ފިޔަވައި އެހެން ގައުމެއްގައި ކޯސް ފުރިހަމަކުރަމުންދާ ފަރާތަށް ޓިއުށަންފީގެ ފައިސާ ހަމަޖައްސައިދޭނީ މި އުސޫލުގެ 6 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތަށެވެ.
(ށ) ސްޓައިޕެންޑް؛
މިއީ، ކޮންމެ މަހަކަށް ކަނޑައެޅިފައިވާ ރޭޓަކުން ޕްރޮގުރާމުގެ މުއްދަތުގައި ދަރިވަރު ކިޔަވާ ގައުމުގައި ހުރުމާއި ކެއުމާއި އަސާސީ އެހެނިހެން ހަރަދުތަކަށް ދެވޭ ފައިސާއެކެވެ.
- އެކި ގައުމުތަކަށް ސްޓައިޕެންޑުގެ ގޮތުގައި ފައިސާ ދިނުމަށް ހަމަޖެހިފައިވާ ރޭޓުތަކުގެ ތަފުސީލު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
- ސްޓައިޕެންޑުގެ ފައިސާ ހަމަޖައްސައިދޭނީ ދަރިވަރު ކޯހުގެ ކިޔެވުން ފަށާ ދުވަހުގެ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ކުރިން ފެށިގެން އެ ދަރިވަރު ކޯސް ފުރިހަމަކުރަން މަރުކަޒަށް ހާޒިރުވާންޖެހޭ އެންމެ ފަހު ދުވަހުން ފެށިގެން ގިނަވެގެން 10 (ދިހައެއް) ދުވަހަށް ހަމަޔަށެވެ.
- ސްޓައިޕެންޑުގެ ފައިސާ ދަރިވަރަށް އާންމުކޮށް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ 6 (ހައެއް) މަސްދުވަހަކުންނެވެ.
(ނ) ދަތުރުގެ ހަރަދު
ދަރިވަރުގެ ދިރިއުޅުން އާންމުކޮށް ހަމަޖެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރި މަރުކަޒަކަށް ކިޔަވަންދާ ނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދަތުރުގެ ހަރަދު ހަމަޖައްސައިދެވޭނެއެވެ.
- ދިވެހިރާއްޖޭގެ މަތީތައުލީމުދޭ މަރުކަޒަކުން ކިޔަވާ ނަމަ، އެ މަރުކަޒު ހުރި ރަށް ދަރިވަރު ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައިކަމަށް ވާ ނަމަ، އެ މަރުކަޒު ހުރި ރަށަށް ކިޔެވުން ފަށަން ދިއުމާއި، ކޯސް ނިމުމުން އަނބުރާ އައުމަށް، އެންމެ އަގުހެޔޮ ރޫޓަކުން، ވައިގެ މަގުން ނުވަތަ ކަނޑުމަގުން ކުރާ ދަތުރުގެ ޓިކެޓުގެ ހަރަދު.
- ދިވެހިރާއްޖެއިން ބޭރަށް ކިޔަވަންދާ ނަމަ ކިޔަވާ މަރުކަޒު ހުންނަ ގައުމެއްގެ ސިޓީއާ ނުވަތަ ރަށާ އެންމެ ކައިރި އެއަރޕޯޓަކަށް ށެޑިއުލްޑް ފްލައިޓެއްގައި ދިއުމަށާއި، ކޯސް ނިމުމުން ނުވަތަ އިންޓަރންށިޕް ނިމުމުން އަނބުރާ ރާއްޖެއަށް އައުމަށް ވައިގެ މަގުން، އިކޮނޮމީ ކްލާހުން، އެންމެ އަގުހެޔޮ އަދި ކުރު ރޫޓަކުން ކުރާ ދަތުރުގެ ށެޑިއުލްޑް ފްލައިޓެއްގެ ޓިކެޓުގެ ހަރަދު.
(ރ) ބުކް އެލަވަންސް:
މިއީ ދަރިވަރުން ކިޔެވުން ކުރިޔަށްގެންދާއިރު ކިޔެވުމަށް ހޯދަންޖެހޭ ޓެކްސްޓް ފޮތާއި އެފަދަ ވަސީލަތްތަކަށް ކުރަންޖެހޭ ހަރަދަށް ކަނޑައެޅިފައިވާ ވަކި ރޭޓަކުން، ކޮންމެ އިގްތިސާދީ އަހަރަކަށް 1 (އެކެއް) ފަހަރު ދެވޭ ފައިސާއެވެ. އެކި ގައުމުތަކަށް ފައިސާ ދިނުމަށް ހަމަޖެހިފައިވާ ރޭޓުތަކުގެ ތަފްސީލު، މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
(ބ) އެސްޓަބްލިށްމަންޓް އެލަވަންސް:
މިއީ ދަރިވަރު ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ކިޔަވަންދާއިރު އެ ރަށުގައި ކިޔެވުމަށް ޓަކައި ގާއިމުވުމަށް ކުރާ ހަރަދަށް ކަނޑައެޅިފައިވާ ރޭޓަކުން 1 (އެކެއް) ފަހަރު ދޭ ފައިސާއެވެ. އެކި ގައުމުތަކަށް ފައިސާ ދިނުމަށް ހަމަޖެހިފައިވާ ރޭޓުތަކުގެ ތަފްސީލު، މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ޓްވިނިންގ ޕްރޮގްރާމު ފުރިހަމަކުރާ ދަރިވަރުންނަށް ވެސް، އެސްޓަބްލިށްމަންޓް އެލަވަންސް ދޫކުރެވޭނީ 1 (އެކެއް) ފަހަރު، އެ ދަރިވަރު ކިޔަވަން ހަމަޖެހިފައިވާ ދެ ގައުމުގެ ތެރެއިން ދަރިވަރު އިހްތިޔާރުކުރާ ގައުމެއްގެ ރޭޓުންނެވެ.
(ޅ) ޑިޕާޗަރ އެލަވަންސް:
މިއީ ދަރިވަރު ކޯސް ފުރިހަމަކުރުމަށްފަހު، އޭނާ ދިރިއުޅޭ ރަށަށް އެނބުރި އައުމުގެ ކުރިން ކުރަންޖެހޭ ހަރަދަށް ކަނޑައެޅިފައިވާ ރޭޓަކުން 1 (އެކެއް) ފަހަރު ދޭ ފައިސާއެވެ. އެކި ގައުމުތަކަށް ފައިސާ ދިނުމަށް ހަމަޖެހިފައިވާ ރޭޓުތަކުގެ ތަފްސީލު، މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
(ކ) ހެލްތު އިންށުއަރެންސް:
މިއީ ބޭރު ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް އެ ގައުމުތަކުގައި ތިބޭއިރު ހޯދަންޖެހިދާނެ ސިއްހީ ފަރުވާއަކަށް، އެ ދަރިވަރަކު ކިޔަވާ މަރުކަޒަކުން ނުވަތަ ވިސާގެ ށަރުތެއްގެ ގޮތުން އެ ގައުމެއްގެ ސަރުކާރަކުން ކަނޑައަޅައިފައިވާ ކަވަރޭޖެއް ލިބޭގޮތަށް، ކިޔަވަން އެ ގައުމެއްގައި ހުންނަ މުއްދަތަށް ކޮންމެހެން ނަގަންޖެހޭ ހެލްތު އިންށުއަރެންސްގެ ހަރަދެވެ.
މި އިންށުއަރެންސްގެ ކަވަރޭޖުގެ ތެރޭގައި ހިމެނޭ ކަންކަމުގެ އިތުރުން ދަރިވަރުގެ ސިއްހީ ފަރުވާއަކަށް މި އުސޫލުގެ ދަށުން ފައިސާގެ އިތުރު އެހީއެއް ނުދެވޭނެއެވެ.
(އ) ސްޓޫޑެންޓް ވީސާ ފީގެ ހަރަދު
މިއީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، އެ ދަރިވަރު ކިޔަވަންދާ ގައުމުގައި މަޑުކުރަންޖެހޭ މުއްދަތަށް ނަގަންޖެހޭ ވިސާގެ އެޕްލިކޭށަން ޕްރޮސެސިންގއާއި، ވިސާ ދޫކުރުމަށް ނަގާ ފީއަށް ދޭ ހަރަދެވެ. ޓްވިނިންގ ޕްރޮގުރާމެއްގެ ދަށުން 2 (ދޭއް) ގައުމެއްގައި ކިޔެވުން ކުރިޔަށްގެންދާ ދަރިވަރުންނަށް، ދެ ގައުމުގެ ވިސާ ފީގެ ހަރަދު ވެސް ދޫކުރެވޭނެއެވެ.
(ވ) އިންކުލޫސިވިޓީ އެލަވަންސް؛
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އެ ފަރާތެއްގެ ހުންނަ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް، ޕްރޮގުރާމު ފުރިހަމަކުރުމަށް އިތުރު އެހީތެރިކަމެއް ބޭނުންވާ ހާލަތްތަކުގައި، އެކަމަށް މިނިސްޓްރީން ކަނޑައަޅާ ހަރަދު
(މ) އިންޓަރންށިޕްގެ ހަރަދ؛
މިއީ އިންޓަރންށިޕް ފުރިހަމަކުރަން ހަރަދެއް ހިނގާ ނަމަ، އެކަމަށް ދޭ ހަރަދެވެ. އިންޓަރންށިޕް ފުރިހަމަކުރަން ހުއްދަ ދެވިފައިވާ ކޯސްތަކުގެ އިންޓަރންށިޕްގެ މުއްދަތުގައި ފައިސާ ދިނުމާ މެދު ނުވަތަ ދޭ އަދަދާ މެދު ގޮތެއް ނިންމާނީ، ތިރީގައިވާ ހާލަތްތަކަށް ބަލައި، މިނިސްޓްރީންނެވެ.
- ކޯސް ފުރިހަމަކޮށް، ސަނަދ ހޯދުމަށް ޓަކައި ހަދަންޖެހޭ، އިންޓަރންށިޕްގައި ބައިވެރިވުމަށް ފީއަކާ ނުލައި އިންޓަރންށިޕް ފުރިހަމަކުރެވެން ނެތް ހާލަތުގައި އެ ފީ؛
- އިންޓަރންށިޕުގައި ބައިވެރިވާ މުއައްސަސާއަކުން ނުވަތަ އެ ނޫންވެސް ގޮތަކުން ދަރިވަރަށް އުޖޫރައެއް ނުވަތަ އެލަވަންސެއް ނުލިބޭ ނަމަ، އެ މުއްދަތުގައި އިންޓަރންށިޕް ހަދާ ގައުމަކަށް ކަނޑައެޅިފައިވާ ސްޓައިޕެންޑް ރޭޓުން، އިންޓަރންށިޕް ހަރަދެއްގެ ގޮތުގައި ދޭ ލިވިންގ އެލަވަންސް؛
- އިންޓަރންށިޕުގައި ބައިވެރިވާ މުއައްސަސާއަކުން ނުވަތަ އެ ނޫންވެސް ގޮތަކުން ދަރިވަރަށް ލިބޭ އުޖޫރަ ނުވަތަ އެލަވަންސް، އެ ގައުމަށް ކަނޑައަޅައިފައިވާ ސްޓައިޕެންޑް ރޭޓަށް ވުރެ މަދު ނަމަ، އެ މަދުވާ މިންވަރ؛
(ފ) މި މާއްދާގެ (ހ) ން ފެށިގެން (މ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ހަރަދުތަކަކީ، ދިވެހިރާއްޖޭގައި އަދި ލޯނުގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހިނގާ ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވާ ގައުމުތަކުގައި ކިޔެވުމަށް ލޯނުގެ ގޮތުގައި ދޫކުރުމަށް ކަނޑައަޅައިފައިވާ ހަރަދުތަކެވެ.
ލޯނުގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވާ ގައުމުތައް ފިޔަވައި އެހެން ގައުމެއްގައި ކިޔެވުމަށް ލޯނުގެ ގޮތުގައި ދޫކުރެވޭނެ އަދަދު ކަނޑައަޅާނީ، މި އުސޫލުގެ 6 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ދ) ދައުލަތުން ނުވަތަ އެހެން ފަރާތަކުން ހިލޭ އެހީގައި ނުވަތަ ލޯނުގައި ނުވަތަ އަމިއްލަ ހަރަދުތައް ހަމަޖައްސައިގެން ކިޔަވަން ގޮސްފައިވާ ފަރާތެއް ނަމަ، އަދި ހާލަތު ނިޔާކުރާ ގޮތުން އެ ގޮތުން ހަމަޖެހިފައިވާ ފަންޑިންގ ފައިސާއިން ކިޔެވުމުގެ ހަރަދުތައް ހަމަނުޖެއްސިއްޖެ ހާލަތެއްގައި އެ ހަރަދުތައް ހަމަޖައްސައިދޭނެއެވެ.
(ތ) ލޯނަށް ހޮވޭއިރު ކިޔަވަން ފަށައިފައިވާ ފަރާތްތަކަށް، މި މާއްދާގައި ބަޔާންކޮށްފައިވާ ހަރަދުތަކަށް ލޯނު ފައިސާ ދޫކުރާނީ، ލޯނަށް ހޮވޭ ތާރީހުން ފެށިގެން ޕްރޮގްރާމުގެ ބާކީ މުއްދަތަށް ކުރަންޖެހޭ ހަރަދުތަކަށެވެ.
11 ވަނަ މާއްދާ - ލޯނުގައި ނުހިމެނޭ ހަރަދުތައް
މި ސްކީމުގެ ދަށުން، ތިރީގައި ބަޔާންކޮށްފައިވާ ހަރަދުތައް ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.
(ހ) ކޯހުގެ ޕްލޭސްމަންޓް ހޯދުމަށް ޓަކައި ޕްރީ-ރިކުއިސިޓް ކޯހެއް ނުވަތަ ފައުންޑޭށަން ކޯހެއް ނުވަތަ ކޯސް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މޮޑިއުލެއްގައި ބައިވެރިވުމުގެ ހަރަދު.
(ށ) ކޯހުގައި ބައިވެރިވުމަށް ނުވަތަ ވިސާއެއް ހޯދުމަށް، ކޯސް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިމްތިހާނެއްގައި ނުވަތަ އިންޓަވިއުއެއްގައި ބައިވެރިވުމަށް ކުރަންޖެހޭ ހަރަދު.
(ނ) ކިޔަވަން ދާން ބޭނުންވާ ގައުމުގެ ވިސާ ނެގުމަށް ކުރަންޖެހޭ ދަތުރާއި އެ ދަތުރާ ގުޅިގެން ކުރަންޖެހޭ އެންމެހައި ހަރަދު.
(ރ) ހެލްތު އިންށުއަރެންސުގެ ކަވަރޭޖުގެ ތެރޭގައި ހިމެނޭ ކަންކަމުގެ އިތުރުން ދަރިވަރުގެ ސިއްހީ ފަރުވާއަކަށް ހިނގާ ހަރަދު.
12 ވަނަ މާއްދާ - ލޯނުގެ ޖުމުލަ އަދަދު ކަނޑައެޅުމާއި ފައިސާ ޖަމާކުރުން
(ހ) ލޯނަށް އެދޭ ކޮންމެ ފަރާތަކަށް ވެސް ދޫކުރާ ލޯނުގެ ޖުމުލަ އަދަދު ކަނޑައަޅާނީ، މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދުތަކަށް ރިއާޔަތްކުރުމަށްފަހު މިނިސްޓްރީންނެވެ.
(ށ) ލޯނަށް އެދޭ ކޮންމެ ފަރާތަކަށް ވެސް ހުށަހަޅާ ޕްރޮގުރާމުގައި ކިޔެވުމަށް ލޯނުގެ ގޮތުގައި ޓޮޕްއަޕް ލޯނާ ނުލައި އެންމެ ގިނައިން ދޫކުރެވޭނ ޖުމުލަ އަދަދަކީ 2,500,000 (ދެ މިލިޔަން ފަސް ލައްކަ) ރުފިޔާއެވެ.
(ނ) މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދުތަކަށް ދޭ ފައިސާ ޖަމާކުރެވޭނީ، އެ ދަރިވަރެއްގެ އަމިއްލަ ނަމުގައި ރާއްޖޭގެ ބެންކެއްގައި ހުޅުވައިފައިވާ ރުފިޔާގެ އެކައުންޓަކަށެވެ. ނަމަވެސް، ލޯނު ލިބޭ ފަރާތަކީ 18 (އަށާރަ) އަހަރު ނުވާ ފަރާތެއް ކަމުގައިވާ ނަމަ، އެ ފަރާތުން ކަނޑައަޅާ، މި އުސޫލުގައި ބަޔާންކޮށްފައިވާ "އާއިލީ" މެންބަރެއްގެ ނަމުގައި ރާއްޖޭގެ ބެންކެއްގައި ހުޅުވައިފައި އޮންނަ ރުފިޔާގެ އެކައުންޓަކަށް ފައިސާ ޖަމާކޮށްދެވިދާނެއެވެ. އަދި މިގޮތަށް ފައިސާ ޖަމާކޮށްދެވޭނީ، ލޯނު އަނބުރާ އަދާކުރުމުގެ މަސްއޫލިއްޔަތު އުފުލަން އެއްބަސްވެ "އިގުރާރު"ގައި ގެރެންޓަރ ސޮއިކުރުމުންނެވެ.
މި އަކުރުގެ ބޭނުމަށް "އާއިލީ" މެންބަރެއް ކަމަށް ބުނެފައި އެވަނީ، ލޯނަށް އެދޭ ފަރާތުގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ދަރިން ނުވަތަ ގާނޫނީ ގޮތުން ބެލެނިވެރިކަން މަތިކޮށްފައިވާ ފަރާތްތަކަށެވެ.
(ރ) ލޯނު ފައިސާ ޖަމާކޮށްދޭނީ، މިނިސްޓްރީއާއި ލޯނު ނަގާ ފަރާތާ ދެމެދު ވެވޭ "މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ އެއްބަސްވުން"ގައި ސޮއިކުރުމަށްފަހުގައެވެ.
(ބ) ލޯނުގެ ފައިސާ ދޫކުރާނީ، އިންސްޓޯލްމަންޓުގެ ގޮތުގައެވެ (އެއީ ކޮންމެ އަހަރަކު 2 (ދޭ) އިންސްޓޯލްމަންޓެވެ). ފުރަތަމަ އިންސްޓޯލްމަންޓަށްފަހު، ދެން ކޮންމެ ފަހަރަކު ވެސް އިންސްޓޯލްމަންޓް ދޫކުރާނީ، ލޯނު ނެގި ފަރާތުން ކިޔަވަމުންދާކަން މިނިސްޓްރީއަށް ކަށަވަރުކުރެވޭ ފަދަ ލިޔުމެއް އެ ދަރިވަރަކު ކިޔަވާ މަރުކަޒު މެދުވެރިކޮށް މިނިސްޓްރީއަށް ފޮނުވުމުންނެވެ.
13 ވަނަ މާއްދާ - ޓޮޕްއަޕް ލޯނު
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ހޮވިފައިވާ ދަރިވަރަކު ފުރިހަމަކުރަމުންދާ ޕްރޮގުރާމުގެ މުއްދަތުގައި ދަރިވަރުގެ އިހްތިޔާރުން ބޭރުން ދިމާވާ ސަބަބަކާ ހުރެ ޕްރޮގުރާމު ފުރިހަމަނުކުރެވި ތިބި ދަރިވަރުން އެ ޕްރޮގުރާމު ފުރިހަމަކުރުމަށާއި، ލޯނު ދޫކުރިއިރު ފުރިހަމަކުރި ޕްރޮގުރާމާ ގުޅިގެން ހަދަންޖެހޭ އިންޓަރންށިޕް ހެދުމަށް ބޭނުންވާ ފައިސާ ހިމަނައިފައިވާ ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން "ޓޮޕްއަޕް" ލޯނުގެ ގޮތުގައި ފައިސާގެ އިތުރު އަދަދެއް ދިނުމަށް މި އުސޫލުގެ ދަށުން ހަމަޖައްސައިދެވޭނެއެވެ.
14 ވަނަ މާއްދާ - ޓޮޕްއަޕް ލޯނު ދިނުމުގެ ށަރުތުތަކާއި ކަންކަން
މި އުސޫލުގެ ދަށުން ޓޮޕްއަޕް ލޯނަށް އެދެވޭނީ، ދަރިވަރުންގެ އިހުތިޔާރުން ބޭރުން ދިމާވާ އަންނަނިވި ކަންކަން ސަބަބަކާ ގުޅިގެން، އެ ކަންކަމަށް ހިނގާނެ ހަރަދުތަކަށެވެ.
(ހ) ޕްރޮގުރާމު، ފުރިހަމަކުރަމުންދާ މަރުކަޒުން ޕްރޮގުރާމު، ކުރިޔަށްގެންދިއުން ހުއްޓައިލުން
(ށ) ދަރިވަރަށް ކުރިމަތިވާ ބައްޔެއްގެ ސަބަބުން ޕްރޮގުރާމު، ކުރިޔަށްގެންދިއުން ވަގުތީގޮތުން މެދުކަނޑައިލުން
(ނ) ޕްރޮގުރާމު ފުރިހަމަކުރަމުންދާ މަރުކަޒުން، އެ ޕްރޮގުރާމަށް، އެންރޯލްވީއިރު، އެއްބަސްވެފައިވާ ޕްރޮގުރާމުގެ މުއްދަތަށާއި ހަރަދުތަކަށް މަރުކަޒުން، ބަދަލުތަކެއް ގެނައުން
(ރ) ފުރިހަމަކުރި، ނުވަތަ ފުރިހަމަކުރަމުންދާ ދާއިރާއިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށް ކޮންމެހެން ހަދަންޖެހޭ، އިންޓަރންށިޕެއް ކިޔެވި މަރުކަޒުގައި ހެދުމުގެ ފުރުސަތު ނެތުން ނުވަތަ އެކަމަށް ބޭނުންވާ ފައިސާ ސަރުކާރުން ހަމަޖައްސައިދީފައި ނެތުން
15 ވަނަ މާއްދާ - ޓޮޕްއަޕް ލޯނުގެ ޖުމުލަ އަދަދު ކަނޑައެޅުން
(ހ) ޓޮޕްއަޕް ލޯނުގެ ޖުމުލަ އަދަދު ކަނޑައަޅާނީ، - މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދުތަކަށް ރިއާޔަތް ކުރުމަށްފަހު، މިނިސްޓްރީންނެވެ، އެއްފަހަރާ ޓޮޕްއަޕް ލޯނުގެ އެޕްލިކޭށަނަކަށް އެންމެ ގިނައިން ދޫކުރެވޭނެ ޖުމުލަ އަދަދަކީ، 700,000 (ހަތް ލައްކަ) ރުފިޔާއެވެ.
(ށ) ޓޮޕްއަޕް ލޯނާއެކު ދަރިވަރަށް ދޫކޮށްފައިވާ ލޯނުގެ ޖުމުލަ އަދަދު، މި އުސޫލުގެ 12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 2,500,000 (ދެ މިލިޔަން ފަސް ލައްކަ) ރުފިޔާއަށް ވުރެ އިތުރުވާ ހާލަތްތަކުގައި މި އުސޫލުގެ 3 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގެރެންޓަރގެ އިތުރުން، އެ ށަރުތުތައް ހަމަވާ، އިތުރު ގެރެންޓަރއެއް ހުށަހަޅަންވާނެއެވެ.
(ނ) ލޯނުގެ ދަށުން ކިޔަވަމުންދާ ކޯސް ފުރިހަމަކުރުމަށް ޓޮޕްއަޕް ލޯނާއެކު، އެންމެ ގިނައިން ދޫކުރެވޭނެ ޖުމްލަ އަދަދަކީ، 3,200,000 (ތިން މިލިޔަން ދެ ލައްކަ) ރުފިޔާއެވެ.
(ރ) ލޯނުގެ ގޮތުގައި، ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވާ ގައުމުތައް ފިޔަވައި އެހެން ގައުމެއްގައި ކިޔަވާ ދަރިވަރުންނަށް ޓޮޕްއަޕް ލޯނު ދޭނީ، މި އުސޫލުގެ 6 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތީންނެވެ.
16 ވަނަ މާއްދާ - ލޯނުގެ އެއްބަސްވުން އިސްލާހު ކުރުން
ޓޮޕްއަޕް ލޯނު ދިނުމުގެ ކުރިން މިނިސްޓްރީއާއި ލޯން ނަގާ ފަރާތާއެކު ވެފައިވާ ލޯނު އެއްބަސްވުން އަންނަނިވި ކަންކަން ހިމެނޭހެން އިސްލާހުކުރަންވާނެއެވެ.
(ހ) ޓޮޕްއަޕް ލޯނުގެ ފައިސާ، ޖަމާކުރެވެނީ، ކުރިން ލޯނު ޖަމާކުރި އެކައުންޓު ނޫން އެހެން އެކައުންޓަކަށް ކަމުގައި ވާ ނަމަ، ކުރިން ލޯނު ޖަމާކުރި އެކައުންޓާއި، އިތުރު ފައިސާ ޖަމާކުރެވޭ އެކައުންޓުގެ ތަފުސީލު.
(ށ) އިތުރު ފައިސާ ދޫކުރުމުން، ލޯނުގެ ޖުމުލަ އަދަދަށް އަންނަ ބަދަލާއި، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތަށް އަންނަ ބަދަލު
(ނ) އެއްބަސްވުން އަލަށް އެކުލަވައިލިއިރު ގެރެންޓީ ދިން ފަރާތް އެއްބަސްވުމަށް ގެނެވޭ އިސްލާހުގައި ސޮއިކުރަންވާނެކަން (ނުވަތަ ކުރިން ގެރެންޓީ ދިން ފަރާތް ނޫން އެހެން ފަރާތެއް ލޯނަށް ގެރެންޓީ ދޭކަމުގައި ވާ ނަމަ، އެ ފަރާތުން ގެރެންޓީ ދޭންވާނީ ހަމައެކަނި އިތުރަށް ދޫކުރެވޭ ފައިސާގެ އަދަދަށް ނޫންކަމާއި، ގެރެންޓީ ދޭންވާނީ މުޅި ލޯނުގެ ޖުމްލަ އަދަދަށްކަން.
(ރ) މިނިސްޓްރީއާއި ލޯން ނަގާ ފަރާތާއެކު ވެފައިވާ ލޯނު އެއްބަސްވުމަށް ބަދަލުގެންނަންޖެހޭކަމަށް މިނިސްޓްރީއަށް ފާހަގަކުރެވޭ އިތުރު ކަންކަން.
17 ވަނަ މާއްދާ - ލޯނުގެ ފައިސާ އަނބުރާ ދެއްކުން
(ހ) ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ޖުމުލަ ފައިސާ، ޕްރޮގުރާމު ނިމޭ ތާރީހުން ފެށިގެން ލަސްވެގެން 7 (ހަތެއް) ވަނަ މަހުން ފެށިގެން ކަނޑައެޅިފައިވާ އެކައުންޓަކަށް އަނބުރާ ދައްކަން ފަށަންވާނެއެވެ. ޕްރޮގުރާމު ނިމޭ ތާރީހުކަމުގައި ބަލާނީ، ތައުލީމު ހާސިލުކުރާ މަރުކަޒުން ދޫކޮށްފައިވާ ޕްރޮގުރާމް ފެށޭ ތާރީހާއި ނިމޭ ތާރީހު ނުވަތަ ޕްރޮގުރާމުގެ މުއްދަތު އެނގޭނެ ގޮތަށް ދޫކޮށްފައިވާ އަންކޮންޑިށަނަލް އޮފަރ ނުވަތަ ޕްލޭސްމަންޓް ލެޓަރގައި، އެ ޕްރޮގުރާމު ނިމޭނެކަމަށް ބަޔާންކޮށްފައިވާ ތާރީހެވެ.
(ށ) ޓޮޕްއަޕް ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ޖުމުލަ ފައިސާ (ޓޮޕްއަޕް ލޯނުގެ އަދަދާއި، ކުރިން ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ޖުމްލަ އަދަދު ހިމެނޭގޮތަށް) ޕްރޮގުރާމު ނިމޭ ތާރީހުން ފެށިގެން ލަސްވެގެން 7 (ހަތެއް) ވަނަ މަހުން ފެށިގެން ކަނޑައެޅިފައިވާ އެކައުންޓަކަށް އަނބުރާ ދައްކަން ފަށަންވާނެއެވެ. ޕްރޮގުރާމު ނިމޭ ތާރީހު ކަނޑައެޅުމުގައި ބަލާނީ، ތައުލީމު ހާސިލުކުރާ މުއައްސަސާއިން ދޫކޮށްފައިވާ ރަސްމީ ލިޔެކިޔުންތަކެވެ. މި ލިޔެކިޔުންތަކުގައި ކޯހުގެ ފެށޭ ތާރީހާއި ނިމޭ ތާރީހު ނުވަތަ ކޯހުގެ މުޅި މުއްދަތު ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މެޑިސިން ފަދަ މެންޑަޒަރީ އިންޓަރންށިޕެއް ފުރިހަމަކުރުމުން މެނުވީ، އެ ދާއިރާއެއްގައި މަސައްކަތްކުރުމުގެ ހުއްދަ (ލައިސަންސް) ނުލިބޭ ދާއިރާއެއްގެ ޕްރޮގުރާމެއް ނަމަ، ޕްރޮގުރާމު ނިމޭ ތާރީހު ކަމުގައި ބަލާނީ، ޕްރޮގުރާމުގެ ކިޔެވުން ނިންމައި، އިންޓަރންށިޕް ނިމޭ ތާރީހެވެ.
(ރ) ލޯނު ނަގާ ފަރާތާއެކު ވެވޭ "މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ އެއްބަސްވުން" އާ އެއްގޮތަށް ލޯނުގެ ޖުމުލަ ފައިސާ އަނބުރާ ދައްކަމުން ގެންދަންވާނެއެވެ. ލޯނު އަދާކުރަންޖެހޭ ފަރާތް ރާއްޖެއިން ބޭރަށް ދިޔަ ނަމަވެސް ލޯނު އަދާކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެކަން މިނިސްޓްރީއަށް ލިޔުމުން އަންގައިފައި އޮންނަންވާނެއެވެ.
(ބ) ލޯނު ނެގި ފަރާތުން އެއްވެސް ސަބަބަކާ ހުރެ ފައިސާ ނުދައްކައިފި ނަމަ، އެ ފައިސާ ދައްކަންވާނީ އެ މަސްއޫލިއްޔަތު އުފުލުމަށް އެއްބަސްވެ ލޯނުގެ އެއްބަސްވުމުގައި ސޮއިކުރި ގެރެންޓަރެވެ.
(ޅ) ލޯނު އަނބުރާ ދައްކައި ނިންމަންޖެހޭ މުއްދަތު ކަނޑައަޅާނީ ލޯނުގެ ގޮތުގައި ކަނޑައެޅުނު ފައިސާގެ ޖުމުލަ އަދަދުގެ މައްޗަށް ބިނާކޮށް، މި އުސޫލުގެ ޖަދުވަލު 1 ގައިވާ ގޮތުގެ މަތީންނެވެ؛ އަދި ލޯނު އަދާކުރުމަށް ކަނޑައަޅައިފައިވާ މުއްދަތުގައި ލޯނު އަނބުރާ ދައްކަންވާނެއެވެ.
(ކ) ލޯނުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ލޯނުގެ ފައިސާ އަނބުރާ އަދާކޮށް ނިމުމާ ދެ މެދު ލޯނު އަދާކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ އެއްވެސް ފަރާތަކާ ގުޅޭ މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެ ނަމަ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން ލިޔުމުން މިނިސްޓްރީއަށް އަންގަންވާނެއެވެ.
(އ) ލޯނުގެ ފައިސާ އަދާކުރަމުން ނުދާ ނަމަ، ލޯނު ނެގި ފަރާތާއެކު ވެވޭ "މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯން އެހީގެ އެއްބަސްވުން" ގައިވާ ގޮތަށް ނުވަތަ ށަރުއީ ކޯޓެއް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރިޔަށްގެންދިޔުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
18 ވަނަ މާއްދާ - ލޯނު ދިނުމުގައި އަމަލުކުރެވޭނެ އާންމު އުސޫލުތައް
(ހ) ނޭށަނަލް ޓްރެއިނިންގ ނީޑްސް ލިސްޓުގެ ތެރެއިން ލޯނު ދޭނެ ދާއިރާތަކަށް ލޯނު ދޭނެ ސްލޮޓުގެ އަދަދު ވަކިން ކަނޑައަޅައި، އިއުލާނުކޮށްފި ނަމަ، އެފަދަ ދާއިރާއަކުން ލޯނު ހޯދުމަށް އެދެންވާނީ ދާއިރާއަކަށް ކަނޑައެޅިފައިވާ ސްލޮޓްތަކަށެވެ.
(ށ) އެއްވެސް ދާއިރާއަކަށް ލޯނު ދޭނެ ސްލޮޓުގެ އަދަދު ވަކިން ކަނޑައަޅައިފައިވާ ނަމަ، އެ މައުލޫމާތު ލޯނަށް އެދި އެޕްލިކޭށަން ހުށަހެޅުމަށް ޓަކައި މިނިސްޓްރީން ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލުން ލިބެން ހުންނާނެއެވެ.
(ނ) މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު ލިބޭ ފަރާތްތަކާ ގުޅޭގޮތުން މިނިސްޓްރީން އަމަލުކުރާ އެންމެހައި އުސޫލުތައް، މި އުސޫލާ ފުށުނާރާނޭހެން ލޯނަށް ހޮވޭ ފަރާތްތަކުގެ މައްޗަށް ވެސް ހިނގާނެއެވެ.
(ރ) މި އުސޫލުގެ ތެރެއިން ލޯނަށް އެދި ނުވަތަ ޓޮޕްއަޕް ލޯނަށް އެދި ހުށަހަޅާ ލިޔެކިޔުމެއްގައި ނާޖާއިޒު ފައިދާއެއް ލިބޭ ފަދަ ގޮތަކަށް ސައްހަނޫން މައުލޫމާތު ހިމަނައިފައިވާކަން ނުވަތަ މައުލޫމާތު ފުރިހަމަނުކޮށް އެޕްލިކޭށަން ހުށަހެޅިކަން މިނިސްޓްރީއަށް އެނގޭ ހިސާބުން، އެޕްލިކޭށަން ބާތިލުވާނެއެވެ. އެކަން އެނގުނީ ލޯނު ލިބޭކަމުގެ ލިޔުން ދޫކުރި ފަހުންކަމުގައި ވިޔަސް ނުވަތަ ލޯނު ނަގައިފައިވާ ފަރާތް ކިޔަވަން ފެށިފަހުން ކަމުގައި ވިޔަސް، އެ ފަރާތެއްގެ އެޕްލިކޭށަނާއި އެ ފަރާތަކަށް ދޫކޮށްފައިވާ ލޯނު ބާތިލުވާނެއެވެ. މި ހާލަތުގައި ލޯނުގެ ގޮތުގައި ނުވަތަ ޓޮޕްއަޕް ލޯނުގެ ގޮތުގައި އެއްވެސް ފައިސާއެއް ދޫކޮށްފައިވާ ނަމަ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އެ ފައިސާ އަނބުރާ ދައްކަންވާނެއެވެ.
(ބ) ލޯނަށް ނުވަތަ ޓޮޕްއަޕް ލޯނަށް އެދި ހުށަހަޅާ ލިޔެކިޔުމެއްގައި ހަގީގަތާ ހިލާފު މައުލޫމާތެއް ދީފައިވާކަމަށް ނުވަތަ ނާޖާއިޒު ފައިދާއެއް ލިބޭ ފަދަ ގޮތަކަށް އަމަލުކޮށްފައިވާކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ، އެ ކަމެއް ތަހުގީގުކުރުމަށް ކަމާ ގުޅޭ ފަރާތްތަކަށް ހުށަހަޅައި، ށަރުއީ ކޯޓުތައް މެދުވެރިކޮށް، އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެއެވެ.
19 ވަނަ މާއްދާ - އަމަލުކުރާނެ ގޮތް
(ހ) ލޯނުގެ ދަށުން ކިޔަވަމުންދާ ދަރިވަރަކު މަގުބޫލު ސަބަބެއްނެތި ކޯހުން ނުވަތަ ކޯހުގެ ޔުނިޓަކުން ފެއިލްވެއްޖެ ނަމަ، ދަރިވަރު ކޯހުން ފެއިލްވެއްޖެ ނަމަ، ފެއިލްވި މޮޑިއުލުގައި އަލުން ބައިވެރިވުމަށް ހިނގާ ހަރަދު ހަމަޖައްސަންޖެހޭނީ އެ ދަރިވަރު އަމިއްލައަށެވެ. އަދި މިގޮތުން ޕްރޮގުރާމު ފުރިހަމަކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ވުރެ ކޯހުގެ ހުރިހާ މޮޑިއުލެއް ފުރިހަމަކުރަން ނަގާ މުއްދަތު އިތުރުވެއްޖެ ނަމަ، އެ މުއްދަތުގައި ސްޓައިޕެންޑުގެ ގޮތުގައި ކުރަންޖެހޭ ހަރަދު ވެސް ހަމަޖައްސަންޖެހޭނީ އެ ދަރިވަރު އަމިއްލަޔަށެވެ.
(ށ) ލޯނުގެ ދަށުން ކިޔަވަމުންދާ ދަރިވަރަކު މާއްދާއަކުން ނުވަތަ މާއްދާތަކަކުން ފެއިލްވެފައިވަނީ އޭނާގެ އަމިއްލަ އިހުތިޔާރާއި ބާރުގެ ބޭރުން ހިނގާ ކަމެއްގެ ސަބަބުންކަމަށް ވާ ނަމަ، މި އުސޫލުގެ 13 ވަނަ މާއްދާގައިވާ ގޮތަށް ޓޮޕްއަޕް ލޯނަށް އެދެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ދަރިވަރަކު މާއްދާއަކުން ފާސްނުވުމުގައި މަގުބޫލު ސަބަބެއް އޮތްކަމަށް މިނިސްޓްރީން ކަނޑައަޅާނީ، އެ މާއްދާއަކުން ފެއިލްވާން ދިމާވި ސަބަބަކީ ދަރިވަރުގެ އަމިއްލަ އިހުތިޔާރާއި ބާރުގެ ބޭރުން ހިނގައިފައިވާ ކަމެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން ކަމާބެހޭ ހެކިތަކާއި ކަމާ ގުޅޭގޮތުން ކިޔަވާ މަރުކަޒުން ދޫކޮށްފައިވާ ލިޔުންތަކާއި، އެ ސަބަބަކީ ޖިސްމާނީ ހާލަތެއް ނުވަތަ ނަފުސާނީ ހާލަތެއް އެ ދަރިވަރަކަށް މެދުވެރިވެގެން ދިމާވި ކަމެއް ނަމަ، އެކަން ސާބިތުކޮށްދިނުމަށް ހުށަހަޅާ މެޑިކަލް ސެޓްފިކެޓްތަކާއި، މި ނޫންވެސް މެޑިކަލް ސޯށަލް ރިޕޯޓުގެ މައްޗަށް ބިނާކޮށެވެ.
(ރ) އެއްވެސް ސަބަބަކާ ހުރެ، ތައުލީމު ހާސިލުކުރަމުންދާ މަތީ ތައުލީމުދޭ މަރުކަޒަކުން ދަރިވަރު ވަކިކޮށްފި ނަމަ ނުވަތަ މަގްބޫލު އުޒުރަކާ ނުލައި ކޯހުން ދަރިވަރު ފެއިލްވެއްޖެ ނަމަ ނުވަތަ މަގްބޫލު އުޒުރަކާ ނުލައި ދަރިވަރު އަމިއްލައަށް ކޯހުގައި ކިޔެވުން ހުއްޓައިލައިފި ނަމަ، މިނިސްޓްރީއަށް އެ އެކަން އަންގައި، ލޯނުގެ ގޮތުގައި އެ ފަރާތަކަށް ދޫކޮށްފައިވާ ޖުމުލަ ފައިސާ، މިނިސްޓްރީން ކަނޑައަޅާ ށެޑިއުލަކާ އެއްގޮތަށް، އަނބުރާ ދައްކައި ހަލާސްކުރަން ވާނެއެވެ. އަދި 12 ފެބުރުވަރީ 2020 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި ހިދުމަތްނުކުރާ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ އުސޫލު" ގައިވާ ގޮތުގެ މަތީން އެ ދަރިވަރަކާމެދު އަމަލުކުރެވޭނެއެވެ.
20 ވަނަ މާއްދާ - ދަރިވަރުގެ ޒިންމާ
މި ސްކީމުގެ ދަށުން ކިޔަވާ ދަރިވަރުން ތިރީގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އުފުލަންވާނެއެވެ.
(ހ) ދަރިވަރު ކިޔެވުމަށް ހުށަހަޅާ ޕްލޭސްމަންޓަކީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއާއި ދިވެހިރާއްޖޭގައި ގާއިމުވެފައިވާ އެ ދާއިރާއަކާ ގުޅޭ ޕްރޮފެށަނަލް ކައުންސިލުތަކާއި އޮތޯރިޓީތަކުން ގަބޫލުކުރާ ފެންވަރުގެ ކޯހެއްތޯއާއި ތައުލީމުދޭ މުއައްސަސާއަކީ ގަބޫލުކުރާ ތަނެއްތޯއާއި ދަރިވަރު އެ ކޯހެއްގައި ބައިވެރިވެ ކިޔެވުމަށް ފުރިހަމަކުރަންޖެހޭ ށަރުތުތައް ފުރިހަމަވޭތޯ ބެލުން.
(ށ) ލޯނަށް ހޮވުނުކަން ދަރިވަރަށް އެންގުމާއެކު، ދަރިވަރުގެ ފަރާތުން ފުރިހަމަކޮށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ހުށަހަޅައި ކޯހުގައި ކިޔަވަން ފެށުން.
މިގޮތުން ކިޔެވުން ފަށާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކިޔަވަން ފެށި ތާރީހާއި މަރުކަޒުގައި ސެމިސްޓަރގެ ކިޔެވުން ރަސްމީކޮށް ފެށުނު ތާރީހާއި، ކިޔަވަން އެންރޯލްވެފައިވާ މާއްދާތަކުގެ ތަފުސީލާއި، ދަރިވަރު ކިޔަވަންދާ ގައުމުގައި ދަރިވަރުގެ އެޑްރެހާއި، ދަރިވަރާ މުއާސަލާތުކުރެވޭނެ ގޮތުގެ ތަފުސީލުތައް އޮންލައިން ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީއާ ހިއްސާކުރުން.
(ނ) ދަރިވަރު ކޯހުގައި ކިޔަވަންޖެހޭ ހުރިހާ މާއްދާ/މޮޑިއުލްއަކުން ފާސްވުމާއެކު، ކިޔަވަމުންގެންދާ މަރުކަޒުން ކޯސްފުރިހަމަކޮށް ސަނަދު ހާސިލުކުރުމަށް ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑަށް ވުރެ މަތީގައި ދަރިވަރުގެ އެކަޑަމިކް ޕަރފޯމަންސް ހިފެހެއްޓުން.
(ރ) މަރުކަޒުން ކޮންމެ ޓާރމެއްގެ ނުވަތަ ސެމިސްޓަރއެއްގެ ނަތީޖާ ދޫކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ނަތީޖާ ށީޓް ނުވަތަ އެކަޑަމިކް ޓްރާންސްކްރިޕްޓް، އޮންލައިން ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީއާ ހިއްސާކުރުން.
(ބ) ކިޔެވުން ފެށުމަށްފަހު، ކޮންމެ 6 (ހައެއް) މަސްދުވަހަކުން އެއްފަހަރު، ދަރިވަރު ކިޔެވުން ކުރިޔަށްގެންދާކަން އެނގޭނެ ކިޔަވާ މަރުކަޒުގެ ލިޔުމާއެކު، ފައިސާ ދޫކުރުމަށް ބޭނުންވާ ލިޔުންތައް އޮންލައިން ޕޯޓަލް މެދުވެރިކޮށް، މިނިސްޓްރީއަށް ހުށަހަޅަމުން ގެންދިއުން
(ޅ) ދަރިވަރާ ބެހޭގޮތުންނާއި ކިޔަވާ މަރުކަޒާއި ކޯހާ ގުޅޭގޮތުން މިނިސްޓްރީއަށް ދީފައިވާ އެއްވެސް މައުލޫމާތަކަށް ނުވަތަ ރިކޯޑަކަށް ބަދަލެއް އަތުވެއްޖެ ނަމަ، އެ ބަދަލެއް އައިތާ ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ބަދަލެއްގެ މައުލޫމާތު ތަފުސީލާއެކު އޮންލައިން ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީއަށް ހިއްސާކުރަމުން ގެންދިޔުން
(ކ) މަގުބޫލު ސަބަބަކާ ގުޅިގެން މިނިސްޓްރީން ލިޔުމުން ހުއްދަ ދީފައިވާ ހާއްސަ ހާލަތްތަކުގައި ނޫނީ، ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި ކޯސް ފުރިހަމަކުރަންޖެހޭ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަކޮށް ނިމޭނޭ ގޮތަށް ކޮންމެ ސެމިސްޓަރަކަށް ވެސް ކަނޑައަޅައިފައިވާ ފުލް ލޯޑުގައި މާއްދާތައް ނަގައިގެން ކިޔެވުން ކުރިޔަށް ގެންދިޔުން
(އ) ކޯހުގެ ކިޔެވުން ކުރިޔަށްދާއިރު، ކިޔަވާ މަރުކަޒުގެ އުސޫލުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، ޕްލެޖަރިޒަމް ނުވަތަ ކޮޕީކުރުން ފަދަ އެކަޑަމިކް އިންޓެގްރިޓީ ގެއްލިދާނެ ފަދަ އެއްވެސް ކަމެއް ނުކުރުން.
(ވ) އިސްލާމްދީނަށް ފުރިހަމަޔަށް ހުރުމަތްތެރިކޮށް ހިތުމާއެކު، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް ހުރުމަތްތެރިކޮށް ހިތުމާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން، އެ ދަރިވަރަކު ކިޔަވަމުންދާ ގައުމެއްގެ ގާނޫނުތަކަށާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، އާންމު މަސްލަހަތާއި ހަމަޖެހުން ގެއްލިދާނެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމާއި، ދިވެހިރާއްޖޭގެ ތަސައްވުރު ކިލަނބުވާނެ ފަދަ އެއްވެސް އަމަލެއް ނުހިންގުމާއި، މިނިސްޓްރީން އަންގާ އެންގުންތަކަށް އަމަލުކުރުން.
(މ) ކިޔަވާ ކޯސް ފުރިހަމަކޮށް ނިމުމުން ދަރިވަރު މަރުކަޒަށް ހާޒިރުވާންޖެހޭ އެންމެ ފަހު ދުވަހުގެ މައުލޫމާތު އެނގޭނެ މަރުކަޒުގެ ލިޔުމަކާއެކު ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އޮންލައިން ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީއަށް ލިޔުމުން އެންގުން
(ފ) ދިވެހިރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން ކޯސް ފުރިހަމަކުރުމަށްފަހު ނުވަތަ އިންޓަރންށިޕް ފުރިހަމަކުރާ ދަރިވަރުން އިންޓަރންށިޕް ފުރިހަމަކުރުމަށްފަހު ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އެކަން އެންގުން
(ދ) ފުރިހަމަކުރާ ކޯހުގެ ފައިނަލް ނަތީޖާ، މަރުކަޒުން ދޫކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ނަތީޖާ ށީޓް ނުވަތަ އެކަޑަމިކް ޓްރާންސްކްރިޕްޓް މިނިސްޓްރީއާ ހިއްސާކުރުމާއި، ފުރިހަމަކުރި ކޯހުގެ ސެޓްފިކެޓު ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ސެޓުފިކެޓު ވެލިޑޭޓްކުރުމަށްފަހު އެ ސެޓުފިކެޓުގެ ކޮޕީއެއް މިނިސްޓްރީއަށް ހުށަހެޅުން.
21 ވަނަ މާއްދާ - ލޯނުގެ ފުރުސަތު ކެންސަލްވާނެ ހާލަތްތައް
(ހ) ދަރިވަރަށް ލިބިފައިވާ ލޯނުގެ ފުރުސަތު ކެންސަލްވާނެ ހާލަތްތައް ތިރީގައި މިވަނީއެވެ.
- ލޯނަށް ހޮވުމަށްފަހު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ޖަލުހުކުމެއް އައުން.
- އަހުލާގީ ސަބަބަކާ ހުރެ ނުވަތަ ފެއިލްވުމާ ގުޅިގެން ކިޔަވާ މަރުކަޒުން ދަރިވަރު ވަކިކުރުން.
- މަގްބޫލު ސަބަބެއް ނެތި، ލޯނަށް ހޮވުނުއިރު ހުށަހަޅައިފައިވާ ޕްލޭސްމަންޓް ލެޓަރގައި އޮތް ތާރީހަށް ކިޔެވުން ފަށައިފައި ނުވުން ނުވަތަ މަގްބޫލު ސަބަބަކާ ގުޅިގެން ލޯނު ފަށާ ތާރީހު ފަސްކުރުމަށްފަހު، ލޯނު އެވޯޑްކުރާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ކިޔަވަން ފަށައިފައި ނުވުން.
- ލޯނުގެ ފުރުސަތު ދޫކޮށްލުމަށް ދަރިވަރު ލިޔުމުން މިނިސްޓްރީއަށް ހުށަހެޅުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ލޯނުގެ ފުރުސަތު ކެންސަލްވެއްޖެ ހާލަތުގައި ލޯނުގެ ގޮތުގައި، ނުވަތަ ޓޮޕްއަޕް ލޯނުގެ އެއްވެސް ފައިސާއެއް ދޫކޮށްފައިވާ ނަމަ، ލޯނު ނެގި ފަރާތާއި މިނިސްޓްރީއާ ދެމެދު އެއްބަސްވެފައިވާ ގޮތުގެ މަތީން އެ ފައިސާގެ މިންވަރު އަނބުރާ ދައްކަންވާނެއެވެ.
22 ވަނަ މާއްދާ - ކިޔަވާ ޕްރޮގުރާމް ބަދަލުކުރުން
އުސޫލެއްގެ ގޮތުން ދަރިވަރުން، ތައުލީމު ހާސިލުކުރަން ފެށުމަށްފަހު އެ ދަރިވަރަކު ކިޔަވަމުންދާ ކޯހާއި ކޯހުގެ މުއްދަތާއި މަތީ ތައުލީމު ދޭ މުއައްސަސާއާއި ކިޔަވަންދާ ގައުމު ބަދަލުކުރުމުގެ ފުރުސަތެއް ނުދެވޭނެއެވެ. ނަމަވެސް، އަންނަނިވި ހާލަތްތަކުގައި ކޯސް ނުވަތަ ކޯހުގެ މުއްދަތު ނުވަތަ މަރުކަޒާއި ގައުމު ބަދަލުކުރަން މިނިސްޓްރީއަށް ހުށަހެޅުމުން، އެ ހާލަތަކަށް ރިއާޔަތްކޮށްފައި މިނިސްޓްރީން ހުއްދަ ދެވިދާނެއެވެ.
(ހ) ޕްރޮގުރާމު ބަދަލުކުރަން އެދޭއިރު، ކުރިން ހުށަހެޅި ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ މަތީ ތައުލީމު ދޭ މުއައްސަސާއަށް އެއްވެސް ފައިސާއެއް ދައްކައިފައި ވަނިކޮށް ޕްރޮގުރާމު ބަދަލުކުރަން އެދޭ ނަމަ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވުން.
- ބަދަލުކުރަން އެދި ހުށަހެޅީ، ކިޔަވަން ފެށި، ޕްރޮގްރާމުގެ ފުރަތަމަ ސެމެސްޓަރ ނިމުމުގެ ކުރިން ކަމުގައި ވުން؛
- ދޫކޮށްލާ ޕްރޮގްރާމު ކުރިޔަށް ގެންދިޔުމަށް އެހައިތަނަށް ދަރިވަރަށް ލޯނުގެ ދަށުން ކޮށްފައިވާ ހަރަދުތަކަކީ ބަދަލުވާ ޕްރޮގްރާމުގެ އެ މުއްދަތަށް ކުރެވުނު ހަރަދުކަމުގައި ބަލައި، ދޫކޮށްލާ ކޯހުގައި ކިޔަވައިފައިވާ މުއްދަތު، ބަދަލުވާ ކޯހުގެ ޖުމުލަ މުއްދަތުން އުނިކޮށް، އެ ކޯހުގެ ހަރަދުތައް ދިނުމާމެދު އިއުތިރާޒު ނުކުރާކަމަށް ދަރިވަރު އެއްބަސްވުން؛
- ޕްރޮގްރާމު ބަދަލުކުރަންޖެހޭ ސަބަބު، އެކަން ކުރުން މުހިންމުކަމަށް ބާރުދޭ، ކަމާ ގުޅޭގޮތުން ކިޔަވާ މަރުކަޒުން ދޫކޮށްފައިވާ ލިޔުންތަކާއި، އެ ސަބަބަކީ ސިއްހީ ހާލަތެއް ނުވަތަ ނަފުސާނީ ހާލަތެއް އެ ދަރިވަރަކަށް މެދުވެރިވެގެން ދިމާވި ކަމެއް ނަމަ، އެކަން ސާބިތުކޮށްދިނުމަށް ޓަކައި ހުށަހަޅާ މެޑިކަލް ސެޓްފިކެޓުތަކާއި ނޫންވެސް މެޑިކޯ ސޯށަލް ރިޕޯޓުގެ ރަސްމީ ފަރާތްތަކުގެ ލިޔުންތަކާއެކު ހުށަހަޅައިފައި ހިމެނިފައި އޮތުން؛
- ޕްރޮގްރާމު ބަދަލުކުރާ ފުރަތަމަ ފަހަރު ކަމުގައި ވުން؛
- ދޫކޮށްލާ ޕްރޮގްރާމު ފުރިހަމަކުރަން ހިނގާނެ ހަރަދަށް ވުރެ ބަދަލުވާ ކޯހުގެ ޖުމުލަ ހަރަދު ބޮޑުނުވާނެ ޕްރޮގްރާމަކަށް ވުން؛
(ށ) ލޯނުގެ ދަށުން އެއްވެސް ފައިސާއެއް ދޫކުރުމުގެ ކުރިން ޕްރޮގްރާމު ބަދަލުކުރަން އެދޭ ނަމަ، ހޮވިފައިވާ ލޯނުގެ ދަށުން ޕްރޮގްރާމު ބަދަލުކުރުމުގެ ފުރުސަތެއް ނުދެވޭނެއެވެ. މި ހާލަތުގައި، ހޮވިފައިވާ ލޯނުގެ ފުރުސަތު ދޫކޮށްލުމަށް ދަރިވަރު ލިޔުމުން މިނިސްޓްރީއަށް ހުށަހަޅައި، އެ ލޯނު ކެންސަލްކޮށް، ފުރިހަމަކުރަން އެދޭ ޕްރޮގްރާމުގައި ކިޔެވުމަށް އައު އެޕްލިކޭށަނެއް ހުށަހެޅިދާނެއެވެ.
23 ވަނަ މާއްދާ - މި އުސޫލުގައި ހިމެނިފައިނުވާ ކަމެއް ދިމާވުން
މި އުސޫލުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއް ނިންމާނީ، މި އުސޫލުގައި ކަނޑައަޅައިފައިވާ ހަމަތަކާއި އަސާސްތަކާ ހިލާފުނުވާ ގޮތުގެ މަތީން، މިނިސްޓްރީންނެވެ.
24 ވަނަ މާއްދާ - މާނަކުރުން
މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ލިއްބައިނުދޭހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މަތީ ތައުލީމާއި ތަމްރީން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު "މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކް" (އެމް.އެން.ކިޔޫ.އެފް) ގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 ގެ ނިޔަލަށް ހުރި ޕްރޮގުރާމުތަކަށާއި ޕްރޮފެށަނަލް ޕްރޮގުރާމުތަކަށް ނުވަތަ ލައިސަންސް ޕްރޮގުރާމުތަކަށެވެ.
(ށ) "އެމް.އެން.ކިއު.އެފް" ކަމަށް ބުނެފައި އެވަނީ، "މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވަރކް" އަށެވެ.
(ނ) "ފުލްޓައިމް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ފުލްޓައިމް ޕްރޮގުރާމުކަމަށް ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭ ޕްރޮގުރާމުތަކަށެވެ. އެއީ މަދުވެގެން، އަހަރަކު 120 (އެއްސަތޭކަ ވިހި) ކްރެޑިޓުގެ ރޭޓުން ފުރިހަމަކުރާ ޕްރޮގުރާމުތަކަށެވެ.
(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.
(ބ) "ޑިފޯލްޓެއް ނެތުން" ކަމަށް ބުނެފައި އެވަނީ، ލޯނަށް އެޕްލިކޭށަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑިޔާ ހަމަޔަށް، މިނިސްޓްރީ މެދުވެރިވެގެން ކުރިން ނަގައިފައިވާ މަތީ ތައުލީމާއި ތަމްރީނަށް ލޯން އެހީގެ ރީޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކޮށްފައިވުން ނުވަތަ އެއްބަސްވުމާ އެއްގޮތަށް އެ ފައިސާ ދައްކަމުން ދިއުމަށެވެ.
(ޅ) "ފުލް ސްކޮލަރށިޕް" ކަމަށް ބުނެފައި އެވަނީ، ލޯނު ނަގާ ފަރާތުން ކިޔެވުމަށް ޓަކައި އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ސްކޮލަރށިޕްތަކަށެވެ. މިފަދަ ސްކޮލަރށިޕެއްގައި ކިޔަވަންދާ ގައުމުން ކަނޑައަޅައިފައިވާ ސްޓައިޕެންޑާއި އެހެނިހެން ހަރަދު، މިނިސްޓްރީން އެ ގައުމަކަށް ކަނޑައަޅައިފައިވާ މިފަދަ ހަރަދަށް ވުރެ ކުޑަ ނަމަ، އެ ބެލެވޭނީ ޕާށިއަލް ސްކޮލަރށިޕަކަށެވެ.
(ކ) "އެޑްވާންސްޑް ސްޓޭންޑިންގ" ކަމަށް ބުނެފައި އެވަނީ، ކުރިން ކިޔެވި ޕްރޮގުރާމުގެ މޮޑިއުލެއް ނުވަތަ މޮޑިއުލްތަކެއް ވަޒަންކޮށް، ފަހުން ކިޔަވާ ޕްރޮގުރާމުގެ މޮޑިއުލެއް ނުވަތަ މޮޑިއުލްތަކެއް ކިޔަވަން ނުޖެހި ޕްރޮގުރާމު ފުރިހަމަކުރާ ގޮތަށް ހަމަޖައްސައިފައިވުމަށެވެ.
(އ) "އާއިލާގެ މެންބަރު" ކަމަށް ބުނެފައި އެވަނީ، ލޯނަށް އެދޭ ފަރާތުގެ ބައްޕަ ނުވަތަ މަންމަ ނުވަތަ އެއްބަނޑުއެއްބަފާ/އެއްބަނޑު/އެއްބަފާ ދައްތައެއް ނުވަތަ ބޭބެއެއް ނުވަތަ ކޮއްކޮއެއް ނުވަތަ މައިފުށުން/ބަފައިފުށުގެ ބޮޑުބޭބެއެއް ނުވަތަ ބޮޑުދައިތައެއް ނުވަތަ ލޯނަށް އެދޭ ފަރާތުގެ އަމިއްލަ ދަރިއެއް ނުވަތަ ގާނޫނީ ގޮތުން އެ ފަރާތާ ބެލެނިވެރިކަން މަތިކޮށްފައިވާ ފަރާތްތަކަށެވެ.
(ވ) "ގެރެންޓަރ" ކަމަށް ބުނެފައި އެވަނީ، ލޯނުގެ އެއްބަސްވުމުގައި، "ގެރެންޓީއެއް ނުވަތަ ސެކިއުރިޓީއެއް ނުވަތަ ލޯނާ ގުޅިގެން ލޯނު ނަގާ ފަރާތުން އަދާކުރަންޖެހޭ، އެންމެހައި، އިލްތިޒާމްތައް އަދާކުރާނެކަމުގެ ޔަގީންކަންދީ އެއްބަސްވުމުގައި ސޮއިކުރާ ފަރާތަކަށެވެ.
(މ) "ދިވެހިރާއްޖޭގެ ކޮންސިއުލަރ މިށަންތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ އާއިލާގެ މެންބަރުން" ކަމަށް ބުނެފައި އެވަނީ، އެ ފަރާތްތަކުގެ މަންމަ، ނުވަތަ ބައްޕަ ނުވަތަ އަނބިން/ފިރިން ނުވަތަ ދަރިން ނުވަތަ ގާނޫނީގޮތުން ބެލެނިވެރިކަން މަތިކޮށްފައިވާ ފަރާތްތަކަށެވެ.
(ފ) "ޓޮޕްއަޕް ލޯނު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން، ދަރިވަރު ކިޔަވަމުންދާ ޕްރޮގުރާމުގެ މުއްދަތުގައި، ދަރިވަރުގެ އިހްތިއާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގުރާމު ފުރިހަމަކުރުމަށް އިތުރުވާ މުއްދަތަށް ދޭ ލޯނަށެވެ.
(ދ) "ޕޯޓަލް" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމުގެ މަސައްކަތްތައް މެނޭޖްކުރުމަށް މިނިސްޓްރީން ގާއިމުކޮށްފައިވާ އޮންލައިން ޕޯޓަލަށެވެ.
(ތ) "ޕްލޭސްމަންޓް" ކަމަށް ބުނެފައި އެވަނީ، ކިޔަވަން އެދޭ ކޯހުގެ ޖާގަ އިންސްޓިޓިއުށަނުން ލިބިފައިވާކަން އަންގައިދޭ ލިޔުމަށެވެ.
25 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހު
މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
26 ވަނަ މާއްދާ - އުވައިލެވޭ އުސޫލު
(ހ) މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، އުސޫލު ނަންބަރު 2025-10 (ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު) އުވައިލެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އުސޫލު ނަންބަރު 2025-10 (ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު) އުވައިލެވޭ ކަމުގައި ވިޔަސް، އެ އުސޫލު ހ އުވައިލުމާ ހަމަޔަށް، އެ އުސޫލުގެ ދަށުން ދޫކޮށްފައިވާ ލޯނުތަކާއި އެ ލޯނުތަކާ ގުޅިގެން ލިބިދީފައިވާ ހައްގުތަކާއި، އުފައްދައިފައިވާ އިލްތިޒާމުތައް އެގޮތުގެ މަތީން ދެމިގެންދާނެއެވެ.
(ނ) މި އުސޫލަށް އަމަލުކުރަން ފަށާއިރު، މިނިސްޓްރީއަށް ހުށަހެޅިފައިވާ އެޕްލިކޭށަންތަކާ ގުޅޭގޮތުން މި އުސޫލާ އެއްގޮތަށް އަމަލުކުރެވޭނެއެވެ.
ޖަދުވަލު 1
ލޯނުގެ ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތު
ލޯނުގެ ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތު
މަތީ ތައުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނުގެ ފައިސާ، ކިޔެވުން ނިމޭނެކަމަށް ބަޔާންކޮށް ކިޔަވައިދޭ މަރުކަޒުން ދީފައިވާ ތާރީހަށްފަހު ލަސްވެގެން 7 ވަނަ މަހުން ފެށިގެން އަނބުރާ ދައްކަން ފަށަންވާނެއެވެ. މަތީ ތައުލީމު ހާސިލުކުރުމަށް ލޯނުގެ ގޮތުގައި ނަގާ ފައިސާ، އަންނަނިވި މުއްދަތުގައި ބަރާބަރަށް ދައްކައި ހަލާސްކުރަންވާނެއެވެ.
ލޯނުގެ އަދަދު (ރުފިޔާ) |
ލޯނުގެ އެހީގެ ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތު (މަސްދުވަސް) |
| 0 - 25،000 | 30 |
| 25،000 - 49،999 | 38 |
| 50،000 - 99،999 | 53 |
| 100،000 - 199،999 | 66 |
| 200،000 - 299،999 | 105 |
| 300،000 - 399،999 | 150 |
| 400،000 - 499،999 | 180 |
| 500،000 - 999،999 | 230 |
| 1،000،000 - 1،499،999 | 235 |
| 1،500،000 - 2،500،000 | 240 |
| ޓޮޕްއަޕް ލޯނު ހިމެނިގެން 2،500،000 އަށް ވުރެ އިތުރުވާ ނަމަ | 240 |
މައި ގާނޫނު
މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 2021-07)
ކިޔުންތެރިންގެ ހިޔާލު