-

މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-68)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 11 މޭ 2022 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ޤާނޫނު) ގެ 71 ވަނަ މާއްދާގެ (ނ) ގެ (7 (ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ، މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގައި ހިންގާ، މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ އަމިއްލަ ފަރާތްތައް، އެއް މިންގަނޑެއްގެ ދަށުން ހަމަހަމަކަމާއެކުރަޖިސްޓަރީކޮށްދެވޭނެ އިންތިޒާމެއް ޤާއިމުކުރުމާއި، އެ ފަރާތްތަކަކީ މަތީ ތައުލީމާއި ތަމްރީނާގުޅޭ ސައްހަ މައުލޫމާތު ފޯރުކޮށްދޭ، ޒިންމާދާރު ފަރާތްތަކެއްކަން ކަށަވަރުކުރުމެވެ.

 

3 ވަނަ މާއްދާ - ފޯރުކޮށްދޭ މައުލޫމާތު ބިނާވާންޖެހޭ އަސާސްތައް

މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ފަރާތްތަކުން ފޯރުކޮށްދޭ މައުލޫމާތު ބިނާވާންޖެހޭ އަސާސްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތްކުރަންވާނީ ޒިންމާދާރުކަމާ އެކުގައެވެ.

(ށ) މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުމުގައި ދޭ މައުލޫމާތު ވާންވާނީ ވަގުތާއި ހާލަތަށް ރިއާޔަތްކޮށްގެން ދޭ ތެދު މައުލޫމާތަށެވެ.

(ނ) މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދޭންވާނީ ، ހާމަކަން ބޮޑުގޮތެއްގައި، ދެފުށް ފެންނަ އުސޫލެއްގެ ތެރެއިންނެވެ.

(ރ) މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ދޭ ފަރާތްތަކުން، މައުލޫމާތު ލިބިގަންނަ ފަރާތަކަށް ދޭ މައުލޫމާތު ވާންވާނީ، ތެދު މައުލޫމާތަށެވެ. އެ މައުލޫމާތު ވާންވާނީ، ފުރިހަމަވެފައިވާ،އެ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނިންމުމެއް ނިންމަން އެކަށޭނަ މިންވަރަށް ދޭމައުލޫމާތަށެވެ.

(ބ) މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ދޭ ފަރާތްތަކުން ދޭ މައުލޫމާތަކީ ފެންވަރު ރަނގަޅު، ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް ބާރުއެޅޭ ފަދަ މައުލޫމާތަކަށް ވާންވާނެއެވެ.

 

4 ވަނަ މާއްދާ - ހުއްދަ ދެވޭނެ ފަރާތްތައް

މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ދިނުމުގެ ހުއްދަ ދެވޭނެ ފަރާތްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ދިވެހިރާއްޖޭގެ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ގުޅުންހުރި އެންމެހައި ކަންކަމާ ބެހޭ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން އެ ފަރާތެއްގެ "ބިޒްނަސް އެކްޓިވިޓީ" ގެ ތެރޭގައި، މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާ ހިމެނިފައިވާ ފަރާތްތައް.

(ށ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާތަކާއި ޖަމާއަތްތަކުގެ ތެރެއިން އެ ފަރާތެއްގެ މަގުސަދުތަކުގެ ތެރޭގައި، މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާ ހިމެނިފައިވާ ފަރާތްތަކާއި، ދަރިވަރުންގެ ޖަމްއި އްޔާތަކާއި ޖަމާއަތްތައް.

(ނ) މަތީ ތައުލީމާއި ތަމްރީނު ދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ތަނެއް.

(ރ) ދައުލަތުގެ މުއައްސަސާއެއް.

(ބ) ޤައުމެއްގެ ހައިކޮމިށަނެއް ނުވަތަ އެމްބަސީއެއް.

(ޅ) މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ރާއްޖެއިން ބޭރުގެ ފަރާތެއް. މި ފަރާތް ވާންވާނީ، އެ ޤައުމެއްގެ ކަމާބެހޭ ފަރާތުން މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ ފަރާތަކަށެވެ.

(ކ) ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ، މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒެއް.

 

5 ވަނަ މާއްދާ - މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުން

(ހ) މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ހާއްސަ ހަރަކާތެއް ބާއްވަންވާނީ، މިނިސްޓްރީން ހުއްދަ ހޯދުމަށްފަހުގައެވެ.

(ށ) މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތުގައި ބައިވެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަރުކަޒުތަކުގެ މައުލޫމާތު މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ނ) މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ދޭން ބާއްވާ ހަރަކާތް ވާންވާނީ، ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ބަލައިގަންނަ ޕްރޮގްރާމްތައް އެނގޭނެ އިންތިޒާމެއްގެ ތެރެއިން މައުލޫމާތުދޭ ހަރަކާތަކަށެވެ.

 

6 ވަނަ މާއްދާ - މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ހުއްދައަށް އެދުން

(ހ) މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ހުއްދައަށް އެދޭ ފަރާތްތަކުން،މިނިސްޓްރީން ކަނޑައަޅައި ށާއިއުކުރާ ފޯމާއި، އެ ފޯމުގައި ހުށަހަޅަން ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

(ށ) ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ހަރަކާތް ބޭއްވުމުގެ ރަސްމީ 5 (ފަހެއް) ދުވަ ހުގެ ކުރިން ހުއްދައަށް އެދި ފޯމު ހުށަހަޅަންވާނެއެވެ.

 

7 ވަނަ މާއްދާ - މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުމު ގައި ސައްހަ ނޫން މައުލޫމާތު ދިނުން

(ހ) މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން ދޭ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން ކަށަވަރުކުރުމަކީ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުއްދަ ހޯދާ ފަރާތުގެ ޒިންމާއެކެވެ.

(ށ) މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ދިނުމަށް ހަރަކާތްތެރިވާ ފަރާތަކުން ސައްހަ ނޫން މައުލޫމާތެއް، މައުލޫމާތު ލިބިގަންނަ ފަރާތަކަށް ދީފައިވާކަން މިނިސްޓްރީއަށް އެނގިއްޖެނަމަ، މިފަދަ މައްސަލަތައް އިދާރީގޮތުން ތަހުޤީޤުކޮށް، އެފަދަ ކަމެއް ހިނގައިފައިވާކަން މިނިސްޓްރީއަށް ސާބިތުވެއްޖެނަމަ، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ޤާނޫނު) ގެ 68 ވަނަ މާއްދާގެ ދަށުން 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ ފަރާތްތަކަށް،މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ހުއްދަ ދޫކުރުން، ކުށްކުރާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް މިނިސްޓްރީން ހުއްޓައިލަންވާނެއެވެ.

(ނ) މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ދިނުމަށް ހަރަކާތްތެރިވާ ފަރާތަކަށް ދީފައިވާ ހުއްދަ ބާޠިލުކުރާއިރު، މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ދިނުމަށް އެ ފަރާތަކުން ހަރަކާތެއް ކުރިޔަށް ގެންދާނަމަ، ހުއްދަ ބާޠިލުކުރާ ވަގުތުން ފެށިގެން ހަރަކާތް ހިންގުން ހުއްޓައިލަންވާނެއެވެ.

(ރ) މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ދިނުމަށް ދީފައިވާ ހުއްދަ ބާޠިލުކޮށްފައިވާ ފަރާތަކަށް މިނިސްޓްރީން މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ދިނުމަށް ހަރަކާތްތައް ބޭއްވުމަށް ހުއްދަ ދޫކުރުން ހުއްޓައިލަންވާނެއެވެ.

 

8 ވަނަ މާއްދާ - ފިޔަވަޅުއެޅުން

(ހ) މި ގަވާއިދު ތަންފީޛުކުރުމުގައި، އެއްވެސް ފަރާތަކުން މި ގަވާއިދާ ހިލާފަށް ކުރާ އަމަލެއްގައި ޖިނާއީ ކުށެއް އެކުލެވިގެންވާނަމަ، އެކަން ތަހުޤީޤު ކުރުމަށް ކަމާބެހޭ އިދާރާތަކަށް މިނިސްޓްރީން ހުށަހަޅަންވާނެއެވެ.

(ށ) އެއްވެސް ފަރާތަކުން މި ގަވާއިދާ ހިލާފަށް ހުއްދަ ހޯދުމަކާ ނުލައި މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުމަކީ މަނާކަމެކެވެ. އަދި އެފަދަ ފަރާތްތަކާމެދުއިދާރީގޮތުން ތަހުޤީޤު ހިންގައި، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ޤާނޫނު) ގެ 68 ވަނަ މާއްދާގެ ދަށުން 10،000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ ފަރާތްތަކަށް، މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ހުއްދަ ދޫކުރުން، ކުށްކުރާ ތާރީހުން ފެށިގެން 3) ތިނެއް ) އަހަރުދުވަހުގެ މުއްދަތަކަށް މިނިސްޓްރީން ހުއްޓައިލަންވާނެއެވެ.

 

9 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކުގެ އިބާރާތްތަކަށް ދީފައިވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ށ) "މައުލޫމާތު ލިބިގަންނަ ފަރާތް" ކަމަށް ބުނެފައި އެވަނީ، އާންމުކޮށް ހުޅުވައިލައިގެން،މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ދިނުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުން ސީދާ މައުލޫމާތު ލިބުނު ފަރާތަށެވެ.

(ނ) "މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުން" ކަމަށް ބުނެފައި އެވަނީ، އާންމުކޮށް ހުޅުވައިލައިގެން ދޭ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ މައުލޫމާތާއި، މަރުކަޒުތަކުން ހިންގާ ޕްރޮގުރާމްތަކާއި، އެ ޕްރޮގުރާމްތަކަށް ވަނުމަށް ބޭނުންވާ ށަރުޠުތަކާއި، މަރުކަޒުތަކުން އެކިއެކި ކަންކަމަށް ނަގާ ފީއާއި، ކިޔެވުމަށް ދޭ ލޯނާއި، ސްކޮލަރށިޕް ސްކީމްތަކާއި، ކިޔެވުމަށް ދޭ އެހެނިހެން އެހީތަކާބެހޭ މައުލޫމާތު ދިނުމަށް ބާއްވާ ހަރަކާތްތަކަށެވެ.

(ރ) "މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ދޭ ހުއްދަ" ކަމަށް ބުނެފައި އެވަނީ، އާންމުކޮށް ހުޅުވައިލައިގެން ދޭ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ މައުލޫމާތާއި، މަރުކަޒުތަކުން ހިންގާ ޕްރޮގުރާމްތަކާއި، އެ ޕްރޮގުރާމްތަކަށް ވަނުމަށް ބޭނުންވާ ށަރު ޠުތަކާއި، މަރުކަޒުތަކުން އެކިއެކި ކަންކަމަށް ނަގާ ފީއާއި، ކިޔެވުމަށް ދޭ ލޯނާއި، ސްކޮލަރށިޕް ސްކީމްތަކާއި، ކިޔެވުމަށް ދޭ އެހެނިހެން އެހީތަކާބެހޭ މައުލޫމާތު ދިނުމަށް ބާއްވާ ހަރަކާތްތައް ރާއްޖޭގައި ބޭއްވުމަށް، ށަރުޠުތަކާއެކު ސޮއިކޮށް ތައްގަނޑު ޖަހައިފައި މިނިސްޓްރީން ދޫކުރާ ލިޔުމަށެވެ.

(ބ) "ކުށްކުރާ ތާރީހު" ކަމަށް ބުނެފައި އެވަނީ، މައްސަލައަކާ ގުޅިގެން އިދާރީގޮތުން މިނިސްޓްރީން ކުރަންޖެހޭ ތަހުޤީޤު ކޮށް، އެ ކުށެއް ކުރިކަމަށް ސާބިތުވާ ތާރީހަށެވެ.

 

10 ވަނަ މާއްދާ - އެހެނިހެން

މި ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއް ނިންމާނީ މިނިސްޓްރީންނެވެ.

 

11 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 2021-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު