-

ދިވެހިރާއްޖޭގައި ޔުނިވަރސިޓީ ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2022-72)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 މޭ 2022 ގައި)

 

އެއްވަނަ ބާބު

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 71 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔަނީ، "ދިވެހިރާއްޖޭގައި ޔުނިވަރސިޓީ ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އެއް މިންގަނޑެއްގެ ދަށުން ދިވެހިރާއްޖޭގައި ޔުނިވަރސިޓީ ރަޖިސްޓަރީކުރުމާއި، ޔުނިވަރސިޓީ ހިންގުމާއި، ޔުނިވަރސިޓީ އުވައިލުމާ ގުޅޭ ކަންކަމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާއި، ޔުނިވަރސިޓީތަކުގެ މިންގަނޑުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގުން

މި ގަވާއިދު ހިންގައި ތަންފީޒުކުރާނީ، މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބަލަހައްޓާ މިނިސްޓްރީންނެވެ.

 

 

ދެވަނަ ބާބު

ޔުނިވަރސިޓީ ރަޖިސްޓަރީކުރުމާއި ހިންގުން

 

4 ވަނަ މާއްދާ - ރަޖިސްޓަރީކުރުން

ދިވެހިރާއްޖޭގައި ޔުނިވަރސިޓީ ހިންގަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށްފަހުގައެވެ.

 

5 ވަނަ މާއްދާ - ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވުމުގެ ށަރުތުތައް

ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވެވޭނީ، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) 32 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ށަރުތުތައް ފުރިހަމަ ވުމުގެ އިތުރުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ފުރިހަމަވާ، މަތީ ތައުލީމާއި ތަމްރީނުދޭ ކޮލެޖުތަކެވެ.

 

6 ވަނަ މާއްދާ - ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅޭނެ ފަރާތްތަކާއި މަސްއޫލުވެރިޔާ

(ހ) ޔުނިވަރސިޓީ ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅޭނީ، ގާނޫނު ނަންބަރު 10996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެއްގެ ދަށުން ހިންގާ ވިޔަފާރިއެއްގެ ގޮތަށެވެ.

(ށ) ޔުނިވަރސިޓީގެ މަސްއޫލުވެރި ފަރާތް ވާންވާނީ، ކުންފުނީގެ ބޯޑުން ނިންމައިފައިވާ، ކުންފުނީގެ ހިއްސާވާ ފަރާތަކަށެވެ.

 

7 ވަނަ މާއްދާ - ޔުނިވަރސިޓީ ރަޖިސްޓަރީކުރަން ހުށަހެޅުން

ޔުނިވަރސިޓީއެއް ރަޖިސްޓަރީކުރަން އެދޭ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާނީ، ތިރީގައިވާ ލިޔުންތަކާއެކު، މިނިސްޓްރީން އާންމުކޮށްފައިވާ ފޯމާއެކުގައެވެ.

(ހ) ޔުނިވަރސިޓީ ހިންގަން އެދޭ ކުންފުނި، ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ގުޅުންހުރި އެންމެހައި ކަންކަމާބެހޭ ވުޒާރާގައި ރަޖިސްޓަރީކޮށް، ރަޖިސްޓްރޭށަން ސެޓުފިކެޓުގެ ކޮޕީ.

(ށ) ޔުނިވަރސިޓީ ހިންގަން އެދޭ ކުންފުނީގެ އަސާސީ ގަވާއިދާއި، ހިންގާ ގަވާއިދު.

(ނ) ޔުނިވަރސިޓީ ހިންގަން ގަސްތުކުރާ ބިމާއި އިމާރާތް، ޔުނިވަރސިޓީ ހިންގުމަށް، އެންމެ މަދުވެގެން ވެސް 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށް ހުއްދަ ލިބިފައިވާކަމުގެ ލިޔުން.

(ރ) ޔުނިވަރސިޓީ އުފެއްދުމަށް ބޭނުންވާ ޗާޓަރު (މިނިސްޓްރީން އާންމުކޮށްފައިވާ ފޯމެޓަށް)

(ބ) ޔުނިވަރސިޓީގެ ހިންގާ ގަވާއިދުގެ 2 (ދޭއް) އަސްލު.

(ޅ) ޔުނިވަރސިޓީގެ ލޯގޯއާއި، ދިދައާއި ، ތައްގަނޑާއި، ލެޓަރ ހެޑާއި، އެ ތަކެތީގައި ބޭނުންކޮށްފައިވާ ކުލައާއި، އެ ތަކެތީގެ ތަފުސީލު އެނގޭނޭ ކުރެހުމާއި، ކުރެހުމުގެ ސޮފްޓްކޮޕީ.

 

8 ވަނަ މާއްދާ _ ޔުނިވަރސިޓީ ހުށަހެޅުން ދިރާސާކުރުން

(ހ) ޔުނިވަރސިޓީއެއް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ބަލައި،އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރުމަށް މިނިސްޓްރީން އެސެސްމަންޓް ކޮމިޓީއެއް އެކުލަވައިލަންވާނެވެ.

(ށ) ޔުނިވަރސިޓީއެއް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ބަލައި އެސެސްމަންޓް ކޮމިޓީން ތައްޔާރުކުރާ އެސެސްމަންޓު ރިޕޯޓު، ޔު ނިވަރސިޓީ ރަޖިސްޓަރީ ކުރަން ހުށަހަޅާތާ ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ނިންމަންވާނެއެވެ.

(ނ) އެސެސްމަންޓް ކޮމިޓީން ދިރާސާކޮށް އެކުލަވައިލައިފައިވާ އެސެސްމަންޓް ރިޕޯޓުގައިވާ ނިންމުމުގައި ޔުނިވަރސިޓީގެ ދަރަޖަދޭން ފާސްކޮށްފިނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ "ޔުނިވަރސިޓީ ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފޯމު" ގައިވާ ޔުނިވަރސިޓީ ހިންގުމަށް ހުށަހަޅާ އިމާރާތުގައި ހުންނަންވާނެ އަސާސީ މިންގަނޑުތައް ފިޔަވައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތަކާއި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަވާނަމަ،"ޔުނިވަރސިޓީ ހުޅުވުމަށް ތައްޔާރުވުމަށް ދޭ ހުއްދަ" އެ މަސައް ކަތް ނިންމަންޖެހޭ މުއްދަތެއް ބަޔާންކޮށް މިނިސްޓްރީން އެކުލަވައިލައިފައިވާ "ކޮލެޖާއި ޔުނިވަރސިޓީ ޕެނަލް" އިން ޔުނިވަރސިޓީ ހުޅުވަން އެޕްލިކޭށަން ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.

(ރ) "ޔުނިވަރސިޓީ ހުޅުވުމަށް ތައްޔާރުވުމަށް ދޭ ހުއްދަ" ދީފައިވާ މުއްދަތުގެ ތެރޭގައި ޔުނިވަރސިޓީ ނުވަތަ ޔުނިވަރސިޓީގެ ކެމްޕަހެއް ނުވަތަ ފެކަލްޓީއެއް އިސްތިހާރުކުރުމާއި، ދަރިވަރުންނަށް އެޑްމިށަން ދިނުމާއި، އެއްވެސް ކަހަލަ ޕްރޮގްރާމެއް ކެމްޕަހުގައި ހިންގައިގެން ނުވާނެއެވެ.

(ބ) ޔުނިވަރސިޓީ ހުޅުވުމަށް ތައްޔާރުވުމަށް ދޭ ހުއްދައިގެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީކޮށް ނިންމަން 12 (ބާރަ) މަސްދުވަހަށްވުރެ ކުރު މުއްދަތެއް ދީފައި ނުވާނަމަ، ޔުނިވަރސިޓީ ހުޅުވުމަށް ތައްޔާރުވުމަށް ދޭ ހުއްދަ ދޫކުރި ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ޔުނިވަރސިޓީ ހިންގަން ގަސްތުކުރާ އިމާރާތް އިންސްޕެކެޓް ކޮށްދިނުމަށާއި، އިމާރާތާ ގުޅިގެން ހުށަހަޅަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި މި ގަވާއިދުގައި ޔުނިވަރސިޓީ ކެމްޕަހެއް ރަޖިސްޓަރީކުރުމަށް ފުރިހަމަވާންޖެހޭ އެއްވެސް ށަރުތެއް ފުރިހަމަ ނުވާނަމަ ޔުނިވަރސިޓީ ހުޅުވުމަށް ތައްޔާރުވުމަށް ދޭ ހުއްދަ ބާތިލުވާނެއެވެ.

(ޅ) ޔުނިވަރސިޓީ ހުޅުވުމަށް ތައްޔާރުވުމަށް ދޭ ހުއްދަ ބާތިލުކޮށްފި ހާލަތެއްގައި، ޔުނިވަރސިޓީ ރަޖިސްޓަރީކުރުމަށް ހުށަހެޅި އެޕްލިކޭށަން ބާތިލުވާނެއެވެ.

(ކ) ޔުނިވަރސިޓީ ހުޅުވުމަށް ތައްޔާރުވުމަށް ދޭ ހުއްދައިގެ މުއްދަތުގެ ތެރޭގައި، މި ގަވާއިދުގައި ޔުނިވަރސިޓީ ރަޖިސްޓަރީކުރުމަށް ފުރިހަމަވާންޖެހޭ އެންމެހައި ށަރުތު ފުރިހަމަވެފައިވާނަމަ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ޔުނިވަރސިޓީ ރަޖިސްޓަރީ ކޮށްދޭންވާނެއެވެ.

 

9 ވަނަ މާއްދާ - ފަންނީ ކޮމިޓީ

(ހ) ޔުނިވަރސިޓީ ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ އެންމެހައި ލިޔެކިޔު ންތައް ބަލައި، އެސްސްމަންޓް ރިޕޯޓު ތައްޔާރުކުރާނީ މިނިސްޓްރީން އެކުލަވައިލާ ފަންނީ ކޮމިޓީއަކުންނެވެ. 

ށ) ޔުނިވަރސިޓީ ރަޖިސްޓަރީ ކުރުމަށް ހުށަހަޅައިފިނަމަ، ތިރީގައިވާ ގޮތަށް 3 (ތިނެއް) މެންބަރުންގެ ފަންނީ ކޮމިޓީއެއް މިނިސްޓްރީން އެކުލަވައިލަން ވާނެއެވެ.

  1. ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ދިވެހިރާއްޖެއިން ބޭރުގެ "ޔުނިވަރސިޓީ ކެމްޕަސް" ހާއްސަކޮށްފައިވާ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޕީ.އެޗް.ޑީ ހާސިލުކޮށްފައިވާ 2 (ދޭއް) މެންބަރުން؛
  2. ވިޔަފާރީގެ ދާއިރާއިން ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވާ އަދި ވިޔަފާރީގެ ދާއިރާއިން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ 1 (އެކެއް) މެންބަރު.

(ނ) ފަންނީ ކޮމިޓީން އެސެސްމަންޓު ރިޕޯޓު ތައްޔާރުކުރުމުގައި ބަލާނީ، މިނިސްޓްރީން ތައްޔާރުކުރާ "ޕްރޮޕޯޒަލް އެސެސްމަންޓް ކްރައިޓީރިޔާ" އަށެވެ.

(ރ) ފަންނީ ކޮމިޓީގެ މެންބަރުން ތައްޔާރުކުރާ އެސެސްމަންޓު ރިޕޯޓު، ޔުނިވަރސިޓީގެ ކެމްޕަސް ރަޖިސްޓަރީ ކުރަން ހުށަހަޅާތާ ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ނިންމަންވާނެއެވެ.

 

10 ވަނަ މާއްދާ - ކޮލެޖާއި ޔުނިވަރސިޓީ ޕެނަލް

(ހ) ޔުނިވަރސިޓީ ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ އެޕްލިކޭށަނާއި ފަންނީ ކޮމިޓީން އެކުލަވައިލާ އެސެސްމެންޓް ރިޕޯޓު އިވެލުއޭޓް ކުރާނީ، މިނިސްޓްރީން އެކުލަވައިލާ "ކޮލެޖާއި ޔުނިވަރސިޓީ ޕެނަލް" އިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮލެޖާއި ޔުނިވަރސިޓީ ޕެނަލް އެކުލެވިގެންވަނީ، އަންނިވި ގޮތުގެ މަތީން 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ.

  1. މިނިސްޓަރު ކަނޑައަޅާ 5 (ފަހެއް) މެންބަރުން؛
  2. މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ފަރާތުން 1 (އެކެއް) މެން ބަރު؛
  3. މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ފަރާތުން 1 (އެކެއް) މެންބަރު.

 

11 ވަނަ މާއްދާ - ރަޖިސްޓަރީކުރުމާއި ހުއްދަދިނުން

މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޔުނިވަރސިޓީއެއް ރަޖިސްޓަރީކުރުމަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ ށަރުތު ފުރިހަމަވާނަމަ، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތީން އެ ޔުނިވަރސިޓީއެއްގެޗާޓަރު މިނިސްޓްރީން ގެޒެޓްކުރަންވާނެއެވެ.

 

 

ތިންވަނަ ބާބު

ޔުނިވަރސިޓީގެ ނަމާއި، ނިށާނާއި، ދިދައާއި، ކުލަޔާއި، މޮޓޯއާއި، ސިފަތައް

 

12 ވަނަ މާއްދާ - ޔުނިވަރސިޓީގެ ނަން

(ހ) ޔުނިވަރސިޓީގެ ނަމުގެ ގޮތުގައި، ތިރީގައި ބަޔާންކޮށްފައިވާ ފަދަ ނަމެއް ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ.

  1. ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދީފައިވާ އެހެން ނަމަކާ އެއްނަމަކަށް ވުން ނުވަތަ އެއްވައްތަރެއްގެ ނަމަކަށް ވުން؛
  2. އެ ނަމެއްގައި އާންމުވެފައިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކަށް، ނުވަތަ ކްލަބަކަށް ނުވަތަ ޖަމާއަތަކަށް ކިޔާ ނަމެއް ނުވަތަ ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެ ނަމެއްގައި އާންމުވެފައިވާ ވިޔަފާރި މަރުކާއެއް؛
  3. ދިވެހި ދައުލަތުގެ ނުވަތަ ސަރުކާރުގެ މުއައްސަސާއެއްގެ ނަމެއް ނުވަތަ އެފަދަ ނަމަކާ އޮޅުންއަރާފާނޭ ފަދަ ނަމެއް؛
  4. އިސްލާމްދީނުގެ އަދަބުތަކާ ހިލާފު ނަމެއް ނުވަތަ ސަލާމަތީގޮތުން ނުވަތަ އަހުލާގީގޮތުން ނޭދެވޭ މާނައެއް ދޭހަވާ ނަމެއް.

(ށ) ޔުނިވަރސިޓީގެ ރަމްޒުކޮށް ކުރުކޮށް ކިޔާ ނަން ވާންވާނީ، ޔުނިވަރސިޓީގެ ނަމުގެ އަކުރުތަކުން ހަދައިފައިވާ ނަމަކަށެވެ.

 

13 ވަނަ މާއްދާ - ޔުނިވަރސިޓީގެ ނަން ބަދަލުކުރުން

(ހ) ތިރީގައިވާ ބަޔާންކޮށްފައިވާ ގޮތަކުން ކުރެ ގޮތަކުން ޔުނިވަރސިޓީގެ ނަން ބަދަލުކުރުމަށް ކަނޑައަޅައިފިނަމަ، އެ ޔުނިވަރސިޓީގެ ނަން ބަދަލުކުރަންވާނެއެވެ .

  1. ޔުނިވަރސިޓީގެ ނަން ބަދަލުކުރުމަށް އެ ޔުނިވަރސިޓީގެ މަޖިލީހުން ނިންމުން؛
  2. ގަވާއިދު ނަންބަރު 2022-73 (މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގައި ބޭނުންކުރާ ނަންތައް ކިޔުމުގެ ގަވާއިދު) ގައިވާ ގޮތުގެ މަތީން ޔުނިވަރސިޓީގެ ނަން ބަދަލުކުރުމަށް މިނިސްޓްރީން އެންގުން؛
  3. ޔުނިވަރސިޓީގެ ނަން ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ށަރުއީ ކޯޓަކުން އަމުރުކުރުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ޔުނިވަރސިޓީގެ ނަން ބަދަލުކުރުމަށް ކަނޑައަޅައިފިނަމަ، ޔުނިވަރސިޓީގެ މަޖިލީހުން ނަން ބަދަލުކުރުމަށްފަހު، ނަމަށް ގެނައި ބަދަލު ޔުނިވަރސިޓީ މަޖިލީހުގެ ޖަލްސާއަކުން ފާސްކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ޔުނިވަރސިޓިގެ ނިށާނާއި، ދިދަ އާއި، ކުލައާއި، މޮޓޯ، ރަޖިސްޓަރީ ކުރުން

(ހ) ޔުނިވަރސިޓީގެ ނިށާނާއި، ދިދައާއި، ކުލައާއި، މޮޓޯ ބޭނުންކުރަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތާއެކު، މި ގަވާއިދުގެ ދަށުން ހުށަހަޅާ ޔުނިވަރސިޓީގެ ޗާޓަރުގައި ހިމަނައި، މިނިސްޓްރީން އެ ޗާޓަރު ގެޒެޓް ކުރުމަށް ފަހުގައެވެ.

  1. ރަޖިސްޓަރީކުރުމަށް އެދޭ ނިށާނާއި، ދިދައިގެ ކުލަ ކޯޑާއި، ސައިޒް ޕްރޮޕޯށަން އެނގޭނޭހެން ކުރަހައިފައިވާ ކުރެހުމާއި، ސޮފްޓާއި، ޕްރޮޕް ކުލަ ކޮޕީ؛
  2. ރަޖިސްޓަރީކުރުމަށް ހުށަހަޅާ ނިށާނާއި، ދިދައާއި، ކުލައާއި، މޮޓޯ ރަމްޒުކުރާ މާނައާއި ތަފުސީލު.

(ށ) ޔުނިވަރސިޓީއަކުން ރަޖިސްޓަރީކޮށްގެން ބޭނުންކުރަމުންގެންދާ ނިށާނާއި، ދިދައާއި، ކުލައާއި، މޮޓޯ ނުވަތަ އެފަދަ އެއްޗަކާ އޮޅުންއަރާ ނިށާނެއް، ނުވަތަ ދިދައެއް، ނުވަތަ ކުލައެއް ނުވަތަމޮޓޯއެއް އެހެން ޔުނިވަރސިޓީއަކަށް ބޭނުންކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.

(ނ) އިސްލާމްދީނުގެ އަދަބުތަކާ ހިލާފުވާ، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ، އަހުލާގީ ގޮތުން ނޭދެވޭ މާނައެއް ދޭހަވާ އަދި އަނިޔާވެރިކަ ން ރަމްޒުކޮށްދޭ ކުރެހުމެއް ހިމެނޭ ނިށާނެއް، ނުވަތަ ދިދައެއް ނުވަތަ މޮޓޯއެއް ބޭނުންކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.

 

15 ވަނަ މާއްދާ - ޔުނިވަރސިޓީގެ ނިށާން، ދިދަ، ކުލައާއި މޮޓޯ ބަދަލުކުރުން

(ހ) ޔުނިވަރސިޓީއަކުން ރަޖިސްޓަރީކޮށްފައިވާ ނިށާނާއި، ދިދައާއި، ކުލައާއި، މޮޓޯ ބަދަލުކުރެވޭނީ،ޔުނިވަރސިޓީގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތީން ޔުނިވަރސިޓީ މަޖިލީހުން ފާސްކުރުމަށްފަހު،މިނިސްޓްރީއަށް އެކަން އަންގައި، މިނިސްޓްރީގެ ހުއްދަ އެކަމަށް ލިބިގެންނެވެ.

(ށ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައިވާ ހާލަތު މެދުވެރިވެގެން ޔުނިވަރސިޓީގެ ނަން ބަދަލުވާނަމަ، ބަދަ ލުކުރާ އައު ނަން ޔުނިވަރސިޓީ މަޖިލީހުން ފާސްކުރަން ނިންމި ގަރާރުގެ އަސްލު ހުށަހަޅަންވާނެއެވެ.

 

16 ވަނަ މާއްދާ - ޔުނިވަރސިޓީގައި ހުންނަންވާނެ ސިފަތައް

ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދިނުމަށް ރަޖިސްޓަރީކޮށްފައިވާ ޔުނިވަރސިޓީއެއްގައި، އަންނަނިވި މައިގަނޑު ސިފަތައް ހުންނަންވާނެއެވެ.

(ހ) ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކޮށް ހިންގާ މަރުކަޒެއްގައި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު (އެމް.އެން.ކިޔު.އެފް) ލެވެލް 10 ގެ ޕްރޮގްރާމްތައް ހިންގަންވާނެއެވެ.

(ށ) ޔުނިވަރސިޓީތަކުގައި ކިޔަވައިދޭންވާނީ، އުމުރުން 16 (ސޯޅަ) އަހަރުން މަތީގެ ދަރިވަރުންނަށްކަމުގައި ވުން. އެހެން ނަމަވެސް މައިންބަފައިންގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއެކު، 16 (ސޯޅަ) އަހަރުން ދަށުގެ ދަރިވަރުން ބައިވެރިކުރުމަކަށް ހުރަހެއް ނެތެވެ.

(ނ) ޔުނިވަރސިޓީތަކުގައި ހިންގޭ ޕްރޮގްރާމްތަކަކީ ނުވަތަ ތަމްރީނުތަކަކީ، އެ ޔުނިވަރސިޓީއެއްގެ ފަލްސަފާއާއި، ވިށަނާއި، މިށަން ހާސިލުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ކޯސްތަކަކަށް ވުން.

(ރ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލަކަށް ފެތޭ ޕްރޮގްރާމެއް ނަމަ، ކިޔަވައިދޭ ލެކްޗަރަރއިންނަކީ، ކިޔަވައިދޭ ފެންވަރަށް ވުރެ މަތީ ފެންވަރެއްގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް ވުން.

(ބ) މި މާއްދާގެ (ރ) ގައިވާ ށަރުތު ފުރިހަމަނުވާ ލެކްޗަރަރއަކަށް ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ޕްރޮގްރާމެއްގައި ކިޔަވައިދެވިދާނެއެވެ. ނަމަވެސް އެ ލެކްޗަރަރއަކީ މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

(ޅ) ޔުނިވަރސިޓީ ހިންގާ އިސްވެރިޔާ ވާންވާނީ، ފުލްޓައިމް މުވައްޒަފަކަށެވެ.

(ކ) ލެވެލް 5 އިން ފެށިގެން މަތީގެ ޕްރޮގްރާމްތަކުގައި ކިޔަވައިދޭ ލެކްޗަ ރަރއިންގެ %30 (ތިރީސް އިންސައްތަ) ލެކްޗަރަރއިން ވާންވާނީ ފުލްޓައިމް ލެކްޗަރަރއިންނަށެވެ.

(އ) ޔުނިވަރސިޓީ ހިންގަން ހުށަހަޅާ އިމާރާތް ނުވަތަ ތަނަކީ މިނިސްޓްރީން ށާއިއުކުރާ،"ޔުނިވަރސިޓީ ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފޯމު" ގައި ޔުނިވަރސިޓީ ހިންގުމަށް ހުށަހަޅާ އިމާރާތުގައި ހުންނަންވާނެ އަސާސީ މިންގަނޑުތައް ފުރިހަމަވެފައިވާ ތަނަކަށް ވުމާއެކު، ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އިމާރާތްކުރުމާއި އިމާރާތް ބޭނުންކުރުމުގެ ހުއްދަ ލިބިފައިވާ ތަނަކަށް ވާންވާނެއެވެ.

(ވ) ފިޒިކަލް ލައިބްރަރީއެއްގެ ހިދުމަތް ދަރިވަރުންނަށް ލިބެން ހުރުން.

 

17 ވަނަ މާއްދާ - ޕްރޮގްރާމް ހިންގުން

ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ ޔުނިވަރސިޓީގައި ޕްރޮގްރާމް ހިންގަންވާނީ އަންނަނިވި ފަރާތްތަކުގެ ހުއްދަލިބިގެންނެވެ.

(ހ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ ފެންވަރުގެ ޕްރޮގްރާމްތައް ހިންގަންވާނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅައިގެން މުގައްރަރު ފާސްކުރުމަށްފަހު، އެ ފަރާތުގެ ހުއްދަ ހޯދައިގެންނެވެ.

(ށ) ޓެކްނިކަލް ޓްރެއިނިންގއާއި ވޮކޭށަނަލް ޓްރެއިނިންގ ޕްރޮގްރާމްތައް، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސްޓޭންޑަޑްތަކަށް ހިންގަން އެދޭނަމަ، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީކޮށް ހުއްދަ ހޯދަންވާނެއެވެ.

(ނ) ރެގިއުލޭޓަރީ ބޮޑީއަކުން ހުއްދަ ލިބިގެން ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގަން ފަށަންވާނީ، އެ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ހޯދުމަށްފަހުގައެވެ.

(ރ) ޔުނިވަރސިޓީން ހިންގާ ޕްރޮގްރާމްތަކުގެ %50 (ފަންސާސްއިންސައްތަ) އަކީ ފުލްޓައިމްކޮށް ކިޔަވައިދެވޭ ޕްރޮގްރާމްތައް ކަމުގައި ވާންވާނެއެވެ.

 

18 ވަނަ މާއްދާ - ޓިޔުށަން ފީ

(ހ) ޔުނިވަރސިޓީން ހިންގާ ހުރިހާ ޕްރޮގްރާމްތަކަށް ކަނޑައެޅިފައިވާ ޓިޔުށަންފީގެ އޮނިގަނޑު (ފީ ސްޓްރަކްޗަރ) ޕްރޮގްރާމަށް އެޕްލައިކުރުމުގެ ކުރިން ދަރިވަރުންނަށް އެނގެން އޮންނަންވާނެއެވެ.

(ށ) އެއް ޕްރޮގްރާމެއްގައި އެއް ވަގުތެއްގައި އެންރޯލްވާ ހުރިހާ ދަރިވަރުންގެ އަތުން ނަގާފީ އެއްވަރު ވާންވާނެއެވެ.

(ނ) ދަރިވަރުންގެ އަތުން ނަގާ އެކިކަހަލަ އިތުރު ފީތަކުގެ މައުލޫމާތު، ކޯހަށް އެންރޯލްވުމުގެ ކުރިން،ދަރިވަރަށް އެނގެން އޮންނަންވާނެއެވެ.

(ރ) ޕްރޮގްރާމަށް ދަރިވަރުން ދައްކާ ފައިސާ ރިފަންޑް ކުރުމާ ބެހޭ ޕޮލިސީއެއް އޮތުމާއެކު،ދަރިވަރުންނަށް އެ ޕޮލިސީ އެނގެން އޮންނަންވާނެއެވެ.

 

19 ވަނަ މާއްދާ - ފެންވަރު ހިފެހެއްޓުމާއި ރިކޯޑު ބެލެހެއްޓުން

(ހ) ކޮންމެ 3 (ތިނެއް) އަހަރަކުން، ޔުނިވަރސިޓީގެ އޮޑިޓެއް، މޯލްޑިވްސް ކޮލިފިކޭށަންސއޮތޯރިޓީން ކުރާނެއެވެ. މި އޮޑިޓްކުރުމަށް ބޭނުންވާ އެންމެހައި ކަންކަމަށް ޔުނިވަރސިޓީން އެއްބާރުލުން ނުދޭ ފަރާތްތަކާ މެދު، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު ) އާއި، ގަވާއިދު ނަންބަރު 2022-70 (މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ށަކުވާތައް ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

(ށ) ފެންވަރު ބެލުމުގެ އޮޑިޓުގައި ބެލެވޭނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) ގެ އިންސްޓިޓިއުށަނަލް އޮޑިޓުގެ ގައިޑްލައިނަށެވެ.

(ނ) ޔުނިވަރސިޓީގައި ޕްރޮގްރާމެއް ހިންގުމުގައި ނުވަތަ ކިޔަވައިދިނުމުގައި މައްސަލައެއް ދިމާވެއްޖެނަމަ ނުވަތަ ކިޔަވައިދިނުމުގެ ފެންވަރަށް އަސަރުކުރާނޭ ފަދަ އެއްވެސް ކަމެއް ދިމާވެއްޖެނަމަ، ކުރިން އެންގުމަކާ ނުލައި އެ ކަމެއް ބަލައި އޮޑިޓް ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށާއި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ލިބިގެންވެއެވެ.

(ރ) ރެގިއުލޭޓަރީ ބޮޑީއަކުން ހުއްދަ ލިބިގެން ހިންގާ ޕްރޮގްރާމްތައް އޮޑިޓްކޮށް އެ ފަރާތްތަކުން ބަލަންވާނެއެވެ.

(ބ) އޮޑިޓުގައި ފާހަގަކުރެވޭ މައްސަލަތައް، އޮޑިޓް ރިޕޯޓުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހައްލުކުރަންވާނެއެވެ.

(ޅ) ޔުނިވަރސިޓީގައި ހިންގާ ކޯސްތައް ހިނގާނުހިނގާގޮތް ބެލުމަށާއި، ކިޔަވައިދިނުމުގެ ފެންވަރު ބެލުމަށާއި، ދަރިވަރުންނާއި ކިޔަވައިދޭ ޕްރޮގްރާމްތަކުގެ ފެންވަރު މަތިކޮށް ހިފެހެއްޓުމަށް ޓަކައި އިންޓަރނަލް ސުޕަރވިޒަން ނިޒާމެއް ގާއިމުވެފައި އޮންނަންވާނެއެވެ. އަދި މި ނިޒާމުގެ ތެރޭގައި ސުޕަވިޒަންގެ ކަންތައްތައް ބަލަހައްޓާނޭ މުވައްޒަފަކާއި އިންޓަރނަލް ކޮލިޓީ އެށުއަރަންސްގެ ކަންކަން ބަލަހައްޓާނެ މުވައްޒަފުން ތިބެންވާނެއެވެ.

(ކ) ތިރީގައި ބަޔާންކޮށްފައިވާ ރިކޯޑުތައް، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ނުވަތަ މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ލިބޭނެ އިންތިޒާމު ޔުނިވަރސިޓީގައި ހަމަޖެހިފައި ހުންނަންވާނެއެވެ.

  1. ކިޔަވައިދިނުމުގެ މަސައްކަތް ރިވިއުކޮށް މޮނިޓަރކުރާ ގޮތުގެ ރިކޯޑުތައް (ކޯސްތައް/ޕްރޮގްރާމްތައް ވަކިވަކިން)؛ 
  2. ކިޔަވައިދިނުމާއި، ދޭ ހިދުމަތްތަކާމެދު ހޯދާ ދަރިވަރުންގެ ހިޔާލުގެ ރިޕޯޓު (ކޯސް/ ޕްރޮގްރާމް ފީޑްބެކް ރިޕޯޓު)؛
  3. ލެކްޗަރަރއިންގެ ލިސްޓާއި، ކޮލިފިކޭށަނާއި، މަސައްކަތުގެ ސުޕަ ވިޒަން ރިޕޯޓުތަކާއި، ހާޒިރީ ރިޕޯޓުތައް؛
  4. ދަރިވަރުންގެ ހާޒިރީ ރިޕޯޓުތަކާއި، ދަރިވަރުންގެ ޕްރޮގްރެސް އެނގޭގޮތަށް ތައްޔާރުކޮށްފައިވާ މާކްށީޓުތައް (ޕްރޮގްރާމް ފެށުމަށްފަހު ޕްރޮގްރާމް ދޫކޮށްލާ ދަރިވަރުން އެނގޭގޮތަށް)؛
  5. ސްޓޫޑެންޓް އެސެސްމެންޓް ކްރައިޓީރިއާއާއި، ދެވޭ އިމްތިހާނު ކަރުދާހާއި،އެސައިންމެންޓްތައް؛
  6. ޕްރޮގްރާމްތައް ހިނގަމުންދާ ގޮތާއި، ކިޔަވައިދިނުމުގައި ބޭނުންކުރާ ރިސޯސްތައް؛
  7. އިންޓަރނަލް ސުޕަވިށަނާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތައް؛
  8. ދަރިވަރުން/ ލެކްޗަރަރއިންގެ ކަންތައްތަކާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު؛
  9. އިމްތިހާނާއި، ޕްރޮގްރާމުގެ މުގައްރަރާއި، އެސެސްކުރުމާ ބެހޭ ލިޔެކިޔުންތައް؛
  10. އިންޓަރނަލް އޮޑިޓާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތައް؛
  11. އެޑްމިށަން ކްރައިޓީރިއާއާއި އެޑްމިށަންގެ މަސައްކަތް ހިނގާގޮތުގެ މައުލޫމާތު؛
  12. ދަރިވަރުންގެ ރިކޯޑުތައް، މަދުވެގެން 6 (ހައެއް) އަހަރުދުވަހުގެ މުއްދަތަށް ރައްކައުކޮށްފައި ހުރުން؛
  13. މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް.

 

20 ވަނަ މާއްދާ - ރިޕޯޓުތަކާއި ތަފާސްހިސާބު ހުށަހެޅުން

(ހ) މިނިސްޓްރީން އަންގާ ފޯމެޓަށް ތައްޔާރުކޮށްފައިވާ އަހަރީ ރިޕޯޓާއި ތަފާސްހިސާބު، ކޮންމެ އަހަރެއްގެ ޖަނަވަރީމަހުގެ 30 (ތިރީސް) ވަނަ ދުވަހުގެ ކުރިން ހުށަހަޅަންވާނެއެވެ.

(ށ) މާލީ ކޮންމެ އަހަރެއް ނިމޭތާ ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އޮޑިޓްކުރުމުގެ ލައިސަންސް ލިބިފައިވާ އޮޑިޓަރަކު ނުވަތަ އޮޑިޓް ފާރމެއް މެދުވެރިކޮށް އެކުލަވައިލައިފައިވާ ޔުނިވަރސިޓީގެ އޮޑިޓް ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

21 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގެ ނިޒާމު

(ހ) ޔުނިވަރސިޓީގައި އަންނަނިވި ކަންކަން ހިމެނޭގޮތުން ށަކުވާ ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައި، އެކަމާ ގުޅޭ އުސޫލުތައް ހަދައި، ދަރިވަރުންނަށް ފެންނާނޭހެން ށާއިއުކުރަންވާނެއެވެ.

  1. ދަރިވަރުންނަށް އެޑްމިށަން ދިނުމާއި އެންރޯލްކުރުމާ ގުޅޭ ކަންކަން؛
  2. ދަރިވަރުންނަށް ކިޔަވައިދިނުމާއި ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތަކާ ގުޅޭގޮތުން؛
  3. ހަނގާކުރުމާ ގުޅޭގޮތުން؛
  4. ޔުނިވަރސިޓީގެ މާހައުލުން އެއްވެސް ކަހަލަ ގޯނާއެއް ނުވަތަ ފުރައްސާރައެއް ލިބުމާ ގުޅޭގޮތުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމަކާ ގުޅޭ ށަކުވާއެއް ދަރިވަރަކު ހުށަހަޅައިފިނަމަ، ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި، ދަރިވަރު ހުށަހެޅި ށަކުވާއަށް ދަރިވަރަށް ޔުނިވަރސިޓީން ޖަވާބުދޭންވާނެއެވެ. އަދި ދަރިވަރު ހުށަހެޅި ށަކުވާއަށް ޖަވާބުދީފައި ނުވާނަމަ، ނުވަތަ ދަރިވަރަށް ދީފައިވާ ޖަވާބާމެދު ހިތްހަމަ ނުޖެހިއްޖެނަމަ، އެ ށަކުވާއެއް އެޕީލް ކުރުމަށް ހުށަހެޅުމުގެ އިންތިޒާމު ޔުނިވަރސިޓީގައި ހަމަޖެހިފައިވާންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް އެޕީލްކޮށް ދަރިވަރު ހުށަހެޅި ށަކުވާއަށް ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި ލިޔުމުން ޖަވާބު ދޭންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ލިޔުމުން ޖަވާބު ލިބިފައި ނުވާނަމަ، މިނިސްޓްރީއަށް ށަކުވާ ހުށަހެޅުމުގެ ފުރުސަތު ދަރިވަރަށް ލިބިގެންވެއެވެ. އަދި މިނިސްޓްރީއަށް ދަރިވަރަކު އެފަދަ ށަކުވާއެއް ހުށަހަޅާތާ ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ލިޔުމުން ދަރިވަރަށް މިނިސްޓްރީން ޖަވާބުދޭންވާނެއެވެ.

 

 

ހަތަރުވަނަ ބާބު

ޔުނިވަރސިޓީގެ ޗާޓަރު

 

22 ވަނަ މާއްދާ - ޔުނިވަރސިޓީ ހިންގުމަށް ބޭނުންވާ ޗާޓަރު

(ހ) ޔުނިވަރސިޓީ ހިންގަންވާނީ، ޔުނިވަރސިޓީ ހިންގުމަށް ބޭނުންވާ ކަންކަން ބަޔާންކޮށްފައިވާ ޗާޓަރުގައިވާ ގޮތުގެ މަތީންނެވެ.

(ށ) ޔުނިވަރސިޓީގެ ޗާޓަރުގައި، ތިރީގައިވާ ބައިތައް ހިމަނައި ބަޔާންވެގެންވާންވާނެއެވެ.

  1. ޔުނިވަރސިޓީގެ ނަމާއި، މިށަނާއި، ވިށަން؛
  2. ޔުނިވަރސިޓީގެ މަގުސަދު ނުވަތަ މަގުސަދުތައް؛
  3. ޔުނިވަރސިޓީގެ އޮފީހުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ތަނުގެ ފުރިހަމަ އެޑްރެސް؛
  4. ޔުނިވަރސިޓީގެ މަޖިލިސް؛
  5. ޔުނިވަރސިޓީގެ އެކެޑެމިކް ސެނެޓް؛
  6. ޔުނިވަރސިޓީގެ ގޮފި އުފައްދާނެ ގޮތް؛
  7. ރަޖިސްޓަރީ ބާތިލުކުރާނެ ގޮތް؛
  8. ޔުނިވަރސިޓީގެ އިސް ވެރިން އައްޔަނުކުރާނެ ގޮތް؛
  9. މުވައްޒަފުންނާއި ދަރިވަރުންގެ ކޯޑް އޮފް ކޮންޑަކްޓް؛
  10. ޔުނިވަރސިޓީގެ ފައިސާ ހަރަދުކުރުމުގައި ރިޒާރވްކުރާނެ އެންމެ ދަށް މިންވަރު؛
  11. ޔުނިވަރސިޓީއާއި ޔުނިވަރސިޓީގެ ވެރިންނާމެދު ފިޔަވަޅު އެޅޭނެ ނިޒާމު؛
  12. ޑިގްރީ ދިނުމާ ގުޅޭ ކަންކަން؛
  13. ދަސްވެނިވުމުގެ ރަސްމިއްޔާތު؛
  14. ފީއާ ގުޅޭ މައުލޫމާތު؛
  15. ޔުނިވަރސިޓީގެ އަހަރީ ރިޕޯޓާއި، މާލީ ރިޕޯޓުތައް އެކުލަވައިލާނެ ގޮތް؛
  16. އިންތިގާލީ ކަންކަން؛
  17. ޔުނިވަރސިޓީގެ ދަރިވަރުންނާއި އިސް ދަރިވަރުންގެ ޖަމްއިއްޔާ ހެދުމާއި ހިންގުމުގެ އުސޫލ.

 

23 ވަނަ މާއްދާ - ޗާޓަރަށް ބަދަލު ގެނައުން

(ހ) ޔުނިވަރސިޓީގެ ޗާޓަރަށް ބަދަލުގެންނަން ޔުނިވަރސިޓީގެ މަޖިލީހުން ފާސްކޮށްފިނަމަ، އެ ބަދަލު ގެނައުމަށް ޔުނިވަރސިޓީ މަޖިލީހުން ނިންމި ނިންމުން މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

(ށ) ޔުނިވަރސިޓީގެ ޗާޓަރަށް ބަދަލުގެންނަން ޔުނިވަރސިޓީގެ މަޖިލީހުން ފާސްކޮށްފައި މިނިސްޓްރީއަށް ހުށަހަޅާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ޔުނިވަރސިޓީ އެސެސްމަންޓް ކޮމިޓީން އެކަމާމެދު ގޮތެއް ނިންމައިފައި ޔުނިވަރސިޓީއަށް އަންގަންވާނެއެވެ.

 

24 ވަނަ މާއްދާ - ޗާޓަރު ގެޒެޓްކުރުން

އެސެސްމެންޓް ކޮމިޓީން ޔުނިވަރސިޓީގެ ޗާޓަރު ފާސްކުރުމުން، އެ ޗާޓަރުގައި މިނިސްޓަރު ސޮއިކޮށްފައި، ޔުނިވަރސިޓީގެ ޗާޓަރު ގެޒެޓްކުރަންވާނެއެވެ.

 

 

ފަސްވަނަވަނަ ބާބު

ޔުނިވަރސިޓީގެ މަޖިލިސް

 

25 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލިސް

(ހ) ޔުނިވަރސިޓީ ހިންގުމުގެ އެންމެ އިސްފަރާތަކީ ޔުނިވަރސިޓީގެ މަޖިލީހެވެ.

(ށ) ޔުނިވަރސިޓީ ދުވަހުން ދުވަހަށް ހިންގުމުގެ ކަންކަމާ ގުޅޭ ސިޔާސަތު ކަނޑައަޅާ ފަރާތަކީ ޔުނިވަރސިޓީގެ މަޖިލީހެވެ.

 

26 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލީހުގެ މަސްއޫލިއްޔަތުތައް

ޔުނިވަރސިޓީގެ މަޖިލީހުގެ މަސްއޫލިއްޔަތަކީ، ޔުނިވަރސިޓީއާ ގުޅޭގޮތުން، އަންނަނިވި ކަންކަން ކުރުމެވެ.

(ހ) ޔުނިވަރސިޓީގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި ޔުނިވަރސިޓީގެ ކަންތައްތައް ރާވައި، ފަރުމާކޮށް، ސިޔާސަތުތައް ކަނޑައެޅުން.

(ށ) ސެޓުފިކެޓުތަކާއި، އެވޯޑްތައް ދިނުން.

(ނ) ޔުނިވަރސިޓީއަށް މުވައްޒަފުން ލުމާއި ވަކިކުރާނެ އުސޫލު ކަނޑައެޅުން.

(ރ) ޔުނިވަރސިޓީގެ ފެކަލްޓީތައް ޔުނިވަރސިޓީގެ ތެރޭގައި ނުވަތަ އެހެން ސަރަހައްދެއްގައި ގާއިމު ކުރުން.

(ބ) ޔުނިވަރސިޓީގެ އަހަރީ ބަޖެޓް ފާސްކުރުން.

(ޅ) ޔުނިވަރސިޓީގެ މަގުސަދުތައް ހާސިލު ކުރުމަށް ޓަކައި ހަދަންޖެހޭ ގަވާއިދުތައް ފާސްކުރުން.

(ކ) ފީތަކާއި އަގުތަކާއި ޖޫރިމަނާތައް ކަނޑައެޅުމާއި، ދަރިވަރުންނަށް ފައިސާގެ އެހީއާއި ލޯނާ ގުޅޭ އުސޫލުތައް ފާސްކުރުން.

(އ) ޔުނިވަރސިޓީގެ އީޖާދުތަކާއި، އުފެއްދުންތަކާއި، ހޯދުންތައް ވިޔަފާރިއަށް ޓަކައި ތަރައްގީކުރުން.

(ވ) ޔުނިވަރސިޓީގެ ކަންތައްތައް ރޭވުމަށާއި، ހިންގުމަށާއި، ދިރާސާކުރުމަށް ކޮމިޓީތަކާއި، ބޯޑުތައް އުފެއްދުން.

(މ) ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތައުލީމީ މަރުކަޒުތަކާ ގުޅުން އުފައްދައި ތަރައްގީ ކުރުން.

(ފ) ޔުނިވަރސިޓީގެ ގަވާއިދުތަކާ އެއްގޮތަށް މުވައްޒަފުން ކުރިއަރުވައި ތަރައްގީކުރުން.

(ދ) ޔުނިވަރސިޓީގެ މަގުސަދުތައް ހާސިލުކުރުމަށް ފަހިވާ ވިޔަފާރީގެ މުއާމަލާތުތައް ކުރާނެ އުސޫލުތައް ކަނޑައެޅުން.

(ތ) ތިރީގައިމިވާ ކަންތައްތަކާ ގުޅޭ އުސޫލުތައް ކަނޑައެޅުން.

  1. ޔުނިވަރސިޓީއަށް ވަނުމުގެ އިމްތިހާނުތައް؛
  2. ދަރިވަރުން ހޮވުމާއި ދަރިވަރުން ޔުނިވަރސިޓީއަށް ވެއްދުން؛
  3. ތައުލީމީ ޕްރޮގްރާމްތައް ފަރުމާކުރުން؛
  4. މަންހަޖު ރާވައި ތަރައްގީ ކުރުން؛
  5. އިމްތިހާނުތައް ބޭއްވުމާއި ސަނަދު ދިނުން؛
  6. ދަރިވަރުންނާއި މުވައްޒަފުންނާ ގުޅޭ އެންމެހައި ކަންކަމުގެ މައުލޫމާތު ރައްކައުކޮށް ބެލެހެއްޓުމުގެ އުސޫލު؛
  7. ޔުނިވަރސިޓީގެ ފައިސާއާބެހޭ ކަންތައްތައް ބެލެހެއްޓުން؛
  8. ޔުނިވަރސިޓީގެ ލައިބްރަރީތައް އުފައްދައި ތަރައްގީކޮށް ބެލެހެއްޓުން .

(ލ) ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށް ޓަކައި ކޮންމެހެން ކުރަންޖެހޭ، މަތީގައިވާ އަކުރުތަކާއި ނަންބަރުތަކުގައި ނުހިމެނޭ އެހެނިހެން ކަންތައްތައް ކުރާނެ އުސޫލުތައް ކަނޑައެޅުން.

 

27 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުން

ޔުނިވަރސިޓީގެ މަޖިލީހުގައި ތިރީގައިވާ ފާރަތްތައް ހިމެނޭހެން، އެންމެ މަދުވެގެން ވެސް 9 (ނުވައެއް) މެންބަރުން ހިމެނެންވާނެއެވެ.

(ހ) ޔުނިވަރސިޓީ ހިންގާ އިސް ވެރިޔާ.

(ށ) ޔުނިވަރސިޓީ ހިންގާ އިސް ވެރިޔާގެ ނާއިބު.

(ނ) އިދާރީ ކަންކަމާއި މާލީ ކަންކަން ބަލަހައްޓާ ފަރާތް (ހިންގާ އިސް ވެރިޔާގެ ނާއިބު ފެންވަރު).

(ރ) އިލްމީ ކަންކަން ބަލަހައްޓާ ފަރާތް (ހިންގާ އިސް ވެރިޔާގެ ނާއިބު ފެންވަރު).

(ބ) ޔުނިވަރސިޓީގެ އީޖާދާއި ދިރާސާގެ ކަންކަން ބަލަހައްޓާ ފަރާތް (ހިންގާ އިސް ވެރިޔާގެ ނައިބު ފެންވަރު).

(ޅ) ޔުނިވަރސިޓީގެ ކޮންމެ ފެކަލްޓީއަކުން އެ ތަނެއް ތަމްސީލުކުރާ ފަރާތެއް.

 

28 ވަނަ މާއްދާ - ގާނޫނީ އަދަދު

ޔުނިވަރސިޓީގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ، ޖަލްސާގެ ގާނޫނީ އަދަދު ހަމަވުމުންނެވެ. ޔުނިވަރސިޓީގެ މަޖިލީހުގެ ޖަލްސާގެ ގާނޫނީ އަދަދު ހަމަވާނީ، މަދުވެގެން ދެބައިކުޅައެއްބަޔައްވުރެ ގިނަ މެންބަރުން ހާޒިރުވުމުންނެވެ.

 

29 ވަނަ މާއްދާ - މަޖިލީހުގެ މެންބަރުންގެ ށަރުތު

ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރު ކަމަށް އައްޔަނުކުރާ މީހެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

(ހ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

(ށ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

 

30 ވަނަ މާއްދާ - މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް

ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތުތަކަކީ އަންނަނިވި ކަންކަން ކުރުމެވެ.

(ހ) ޔުނިވަރސިޓީގެ މަޖިލީހާއި، މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން އެ މެންބަރަކު ހިމެނޭ ކޮމިޓީއެއްގެ ޖަލްސާތަކަށް ހާޒިރުވުން.

(ށ) ޔުނިވަރސިޓީގެ މަޖިލީހުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، މެންބަރުންގެ ހުނަރާއިތަޖުރިބާ، ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު ހުށަހެޅުން.

(ނ) ޔުނިވަރސިޓީގެ މަސައްކަތްތަކަށް ރިއާޔަތްކޮށް، ޔުނިވަރސިޓީގެ މަސްލަހަތު ކުރިއެރުވުމަށް ހަރަކާތްތެރިވުން.

(ރ) އަމިއްލަ ފައިދާއެއް ހޯދުމަށް ނުވަތަ އެހެން މީހަކަށް ފައިދާއެއް ހޯދައިދިނުމަށާއި، ޔުނިވަރސިޓީއަށް ނުވަތަ އެހެން މީހަކަށް ގެއްލުމެއް ދިނުމަށް މަގާމުގެ ބޭނުން ނުކުރުން.

(ބ) މަގާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތަށް ރައްކައުތެރިވުމާއި، އެފަދަ މައުލޫމާތު އަމިއްލަ ފައިދާއަކަށް ނުވަތަ އެހެން މީހެއްގެ ފައިދާއަކަށް ނުވަތަ ޔުނިވަރސިޓީއަށް ނުވަތަ އެހެން މީހަކަށް ގެއްލުމެއް ދިނުމަށް ބޭނުން ނުކުރުން.

(ޅ) ޔުނިވަރސިޓީ މަޖިލީހުގައި މަށްވަރާކުރާ ކަންކަމުގައި މެންބަރެއްގެ އަމިއްލަ މަސްލަހަތެއްވާނަމަ، ކައުންސިލުގެ ރިޔާސަތަށް އެކަން އަންގައި، އެފަދަ ޖަލްސާއަކަށް ހާޒިރުނުވުން. އަދި ރިޔާސަތުން ހާޒިރުވާން އަންގައިގެން ހާޒިރުވިޔަސް، ވޯޓު ދިނުމުގައި ބައިވެރިނުވުން.

(ކ) ވިޔަފާރިއާބެހޭ ގޮތުން ނިންމަންޖެހޭ ކަންކަން ނިންމުމުގައި، ބޭނުންވާ ހުރިހާ މައުލޫމާތެއްގެ އަލީގައި، އަމިއްލަ މަންފާއެއް ނެތި، ތެދުވެރިކަމާއެކު ޔުނިވަރސިޓީގެ ފައިދާއަށް ކަންކަން ނިންމުން.

(އ) ހެޔޮނިޔަތުގައި ރަނގަޅު ވިސްނުމާއެކު، މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަޖިލީހުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުން.

 

31 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލީހުގެ ރައީސް

ޔުނިވަރސިޓީގެ މަޖިލީހުގެ ރައީސަކީ ހިންގާ އިސްވެރިޔާއެވެ. އަންނަނިވި ކަންކަމަކީ، މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

(ހ) ޔުނިވަރސިޓީގެ މަޖިލީހުގެ ޖަލްސާތަކުގެ އެޖެންޑާ ކަނޑައެޅުމާއި، ރިޔާސަތު ބެލެހެއްޓުން.

(ށ) ޔުނިވަރސިޓީގެ މަޖިލީހުގެ ނިންމުންތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.

(ނ) ޔުނިވަރސިޓީގެ މަޖިލީހުގެ ޖަލްސާތަކުގެ ގަވާއިދުތައް ހިފެހެއްޓުން.

(ރ) ޔުނިވަރސިޓީގެ ކަންތައްތަކުގައި، މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ މިނިސްޓްރީއަށް ޖަވާބުދާރީވުން.

 

32 ވަނަ މާއްދާ - ޔުނިވަރސިޓީ މަޖިލީހުގެ ނާއިބު ރައީސް

ޔުނިވަރސިޓީގެ މަޖިލީހުގެ ނައިބު ރައީސަކީ، ޔުނިވަރސިޓީ ހިންގާ އިސްވެރިޔާގެ ނާއިބެވެ. އަންނަނިވި ކަންކަމަކީ، ޔުނިވަރސިޓީގެ މަޖިލީހުގެ ނާއިބު ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

(ހ) ޔުނިވަރސިޓީ މަޖިލީހުގެ ރައީސް ނެތް ހިނދެއްގައި ރައީސްގެ މަސްއޫލިއްޔަތު އަދާކުރުން.

(ށ) ޔުނިވަރސިޓީގެ މަޖިލީހުގެ ރައީސް ހަވާލުކުރާ ޒިންމާތައް އަދާކުރުން.

(ނ) ރައީސަށް ޔުނިވަރސިޓީގެ ހަރަކާތްތަކުގެ މައުލޫމާތު އެންގުން.

(ރ) ޔުނިވަރސިޓީގެ ބަޖެޓާއި، އިދާރީ ކަންތައްތަކާއި، ކިޔަވައިދިނުމާބެހޭ ރޭވުންތައް ޔުނިވަރސިޓީގެ މަޖިލީހަށް ހުށަހެޅުން.

(ބ) ޔުނިވަރސިޓީގެ މަޖިލީހުން ނިންމާ ނިންމުންތަކާ އެއްގޮތަށް ޔުނިވަރސިޓީގެ އިދާރީ ކަންތައްތަކާއި ތައުލީމީ ކަންތައްތައް ހިންގުން.

 

33 ވަނަ މާއްދާ - މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ހުސްވުން

(ހ) އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރަކަށް ދިމާވެއްޖެނަމަ، އެ މެންބަރެއްގެ ގޮނޑި ހުސްވާނެއެވެ.

  1. ޖަލްސާއަށް ކިޔަފައި އޮތުމާއެކު ވެސް، މަގްބޫލު އުޒުރެއްނެތި ވިދިވިދިގެން، މަޖްލިސްގެ 3 (ތިނެއް) ޖަލްސާއަށް ހާޒިރުނުވުން؛
  2. ލިޔުމަކުން ޗާންސެލަރއަށް އިސްތިއުފާ ހުށަހަޅައި، އެ ލިޔުން ޗާންސެލަރަށް ލިބުން؛
  3. ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެގެން ހުކުމެއް ކުރުން؛
  4. ބުއްދި ފިލައިދިޔުން؛
  5. މަރުވުން؛
  6. މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާ ނުކުރާކަމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުން؛
  7. މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގެ ކުޅަދާނަކަން ނެތްކަމަށް، މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުން؛
  8. މަޖިލީހުގެ މެންބަރުކަމަށް ހޮވުނުފަހުން، މެންބަރުކަމުގެ ށަރުތު ހަމަނުވާކަން ސާބިތުވުން.

(ށ) މަޖިލީހަށް އައްޔަނުކޮށްފައިވާ މެންބަރެއްގެ ގޮނޑި ހުސްވެއްޖެނަމަ، އެ ގޮނޑިއަށް އައު މެންބަރަކު އައްޔަނުކުރާނީ، އެ ގޮނޑިއަށް މެންބަރުން އައްޔަނުކުރާ ފަރާތަށް އެންގުމުން،އެ ފަރާތުންނެވެ.

 

 

ހަވަނަ ބާބު

އެކެޑެމިކް ސެނެޓް

 

34 ވަނަ މާއްދާ - އެކެޑެމިކް ސެނެޓް

(ހ) ޔުނިވަރސިޓީގެ ތައުލީމީ ކަންތައްތަކާމެދުގައްޔާއި އިލްމީ ކަންތައްތަކާމެދު މަށްވަރާކޮށް، އެ ކަންކަން މިސްރާބުކޮށް ވާނުވާބަލާ އެންމެ އިސް ކޮމިޓީގެ ގޮތުގައި، ޔުނިވަރސިޓީގެ މަޖިލީހުން އެކަޑެމިކް ސެނެޓެއް ގާއިމު ކުރަންވާނެއެވެ.

(ށ) މި ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ އެކެޑެމިކް ސެނެޓް އެކުލަވައިލަންވާނީ އަންނަނިވި މީހުން ހިމެނޭ ގޮތަށެވެ.

  1. ޔުނިވަރސިޓީ މަޖިލީހުގެ ނާއިބު ރައީސް؛
  2. ޔުނިވަރސިޓީގެ ކޮންމެ ކެމްޕަހެއް ނުވަތަ ފެކަލްޓީއެއް ތަމްސީލުކުރާ ފަރާތެއް؛
  3. ޔުނިވަރސިޓީގައި ކިޔަވައިދޭ ދާއިރާތަކާ ގުޅޭ އެކްސްޕާޓުން.

 

35 ވަނަ މާއްދާ - އެކެޑެމިކް ސެނެޓުގެ މަސްއޫލިއްޔަތުތައް

އެކެޑެމިކް ސެނެޓުގެ މަސްއޫލިއްޔަތުތަކަކީ ތަރީގައިމިވާ ކަންތައްތަކެވެ.

(ހ) ތައުލީމީ ކަންތައްތައް ތަރައްގީ ކުރުމާއި، ދަރިވަރުން ވެއްދުމާއި، އިމްތިހާނުކުރުމާއި، އިލްމީ ދިރާސާ ކުރުމާއި، ސަނަދު ދިނުމާއި، ޔުނިވަރސިޓީގެ ސުލޫކު ހިފެހެއްޓުމާއި، ޔުނިވަރސިޓީގެ މަގުސަދުތައް ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާމެދު މަށްވަރާކޮށް، މަޖިލީހަށް ހުށަހެޅުންތައް ހުށަހެޅުން.

(ށ) މަޖިލީހުގެ ގަވާއިދަކުން ސެނެޓާ ހަވާލުކުރާ މަސައްކަތްތަކާއި މަޖިލީހުން ފޮނުވާ ހާއްސަ މައްސަލަތަކާ ގުޅޭ ގޮތުން މަޖިލީހަށް ރިޕޯޓު ހުށަހެޅުން.

 

36 ވަނަ މާއްދާ - އެކެޑެމިކް ސެނެޓް މެންބަރުންގެ ށަރުތު

ޔުނިވަރސިޓީ މަޖިލީހުގެ އެކެޑެމިކް ސެނެޓުގެ މެންބަރުކަމަށް އައްޔަނުކުރާ މީހެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ .

(ހ) އުމުރުން 25 (ފަންސަވީސް) އަހަރު ފުރިފައިވުން.

(ށ) މާރސްޓާރސް ޑިގްރީ ހާސިލުކޮށްފައިވުން.

(ނ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

 

 

ހަތްވަނަ ބާބު

އެހެނިހެން ކަންކަން

 

37 ވަނަ މާއްދާ - ރަޖިސްޓްރޭށަން ފީ

ޔުނިވަރސިޓީ ނުވަތަ ޔުނިވަރސިޓީގެ ކެމްޕަސްގެ ރަޖިސްޓްރޭށަން ފީ ނަގަންވާނީ އަންނަނިވި ފަދައިންނެވެ.

(ހ) ޔުނިވަރސިޓީގެ މައި ކެމްޕަސް ރަޖިސްޓަރީ ކުރުމަށް 100،000 (އެއްލައްކަ) ރުފިޔާ.

(ށ) އިތުރު ކެމްޕަސްއެއް ރަޖިސްޓަރީ ކުރުމަށް 50،000 (ފަންސާސްހާސް) ރުފިޔާ.

 

38 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު ) އާއި، ގަވާއިދު ނަންބަރު 2022-70 (މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ށަކުވާތައް ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

(ށ) މި ގަވާއިދު ތަންފީޒުކުރުމުގައި، މި ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކުން ކުރާ އަމަލެއްގައި ޖިނާއީ ކުށެއް އެކުލެވިގެންވާނަމަ، ނުވަތަ ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) އާ ހިލާފުވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް މިނިސްޓްރީން ހުށަހަޅަންވާނެއެވެ.

(ނ) ޔުނިވަރސިޓީއަކުން ރަޖިސްޓަރީނުކޮށް، ނިށާން، ނުވަތަ ދިދަ، ނުވަތަ ކުލަ ނުވަތަ މޮޓޯއެއް ބޭނުންކުރުމަކީ މަނާކަމެކެވެ. އެފަދަ އަމަލެއް ހިންގައިފިނަމަ، އެ ފަރާތެއް 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

 

39 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައިވަނީ ތިރީގައިވާ މާނައިގައެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ށ) "މަތީ ތައުލީމާއި ތަމްރީނު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ މަރުކަޒެއްގައި ދޭ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލަކަށް ފެތޭ ތައުލީމާއި ތަމްރީނުގެ ޕްރޮގުރާމްތަކަށާއި، ނޭށަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްގައި ބަޔާންކޮށްފައިވާ، އަދި އެ ސްޓޭންޑަޑަށް ތައްޔާރުކޮށް ހިންގާ، މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކަށެވެ.

(ނ) "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނު ދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަންތަނަށެވެ.

(ރ) "ފުލްޓައިމް ދަރިވަރުން" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ފުލްޓައިމް ކޯސްތައް ކަމަށް ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭ، އެވްރެޖްގޮތެއްގައި 120 (އެއްސަތޭކަ ވިހި) ކްރެޑިޓް ފުރިހަމަކުރާ ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށެވެ.

(ބ) "ފުލްޓައިމް ލެކްޗަރަރ" އިން ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއްގައި، ކޮންމެ ހަފުތާއަކު ، މަދުވެގެން 25 (ފަންސަވީސް) ގަޑިއިރު ކިޔަވައިދިނުމުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.

(ޅ) "އިންސްޓިޓިއުށަނަލް އޮޑިޓް" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކޮށް ވަޒަންކުރުމަށް ބޭނުންކުރާ މިންގަނޑަށެވެ.

(ކ) "ކޮލެޖް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ކޮލެޖެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ މަތީ ތައުލީމާއި ތަމްރީނުދޭ ތަންތަނަށެވެ.

(އ) "ކެމްޕަސް" ކަމަށް ބުނެފައި އެވަނީ، ޔުނިވަރސިޓީތަކުގެ މައި މަރުކަޒު ފިޔަވައި އެހެން ތަނެއްގައި އެ މަރުކަޒަކުން ދޭ ހިދުމަތްތަކެއް ދިނުމަށް ގާއިމުކުރާ ގޮތްޕަށެވެ.

(ވ) "ޔުނިވަރސިޓީ ހިންގާ އިސްވެރިޔާ" ކަމަށް ބުނެފައި އެވަނީ، ޔުނިވަރސިޓީގެ ހިންގުމުގެ އެންމެހައި ކަންކަމުގައި ހަވާލުވެހުންނަ އިސް ފަރާތަށެވެ.

(މ) "ޔުނިވަރސިޓީތަކުގެ ދަފުތަރު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީން އާންމުކޮށްފައިވާ،މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ޔުނިވަރސިޓީތަކުގެ ލިސްޓަށެވެ.

 

40 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 2021-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު