-

ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނޭ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2022-27)

(މި އުސޫލަށް އަމަލުކުރަން ފެށީ 22 އޮގަސްޓް 2022 ގައި)

1 ވަނަ މާއްދާ - ތައާރުފު

(ހ) މިއީ، ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ބަލާނޭ މިންގަނޑުތަކެވެ. އެގޮތުން، މި އުސޫލަށް ކިޔާނީ، "ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނޭ ގޮތުގެ އުސޫލު" އެވެ.

(ށ) މިއީ، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ (ބ) އާއި (ކ) އާއި، 19 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

 

2 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އެމް.ކިއު.އޭ" ނުވަތަ "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއަށެވެ.

(ށ) "ސަނަދުގެ ފެންވަރު ބެލުން" ކަމަށް ބުނެފައި އެވަނީ، ސަނދުގެ ފެންވަރު ބެލުމަށް މީހަކު ހުށަހަޅާ ސަނަދަކީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ ސަނަދެއްތޯ ބެލުމަށް ކުރާ މަސައްކަތަށެވެ.

(ނ) "ޑޮކްޓޯރަލް ޑީގްރީ" ކަމަށް ބުނެފައި އެވަނީ، ޔުނިވަރސިޓީ ތައުލީމުގައި މާސްޓަރސް ޑިގްރީއާ ޖެހިގެން މައްޗަށް އޮންނަ ޑިގްރީއަށެވެ. މީގެ ތެރޭގައި ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އާއި، ޕްރޮފެށަނަލް ޑޮކްޓަރޭޓް ހިމެނެއެވެ.

 

3 ވަނަ މާއްދާ - ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރޭތޯ ބެލުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، އެފަދަ މަރުކަޒުތަކުން ހިންގަމުން އަންނަ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތައް ރާއްޖޭގައި ގަބޫލުކުރޭތޯ ބެލުމަށް، އެ ޕްރޮގްރާމަށް ކިޔަވަން ފެށުމުގެ ކުރިން އަންނަނިވި ލިޔެކިޔުންތައް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

  1. އެޕްލިކޭށަން ފޯމު ފޮރ ރިކޮގްނިށަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް؛
  2. ގަބޫލުކުރުމަށް އެދި ހުށަހަޅައިފައިވާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމް ކިޔެވުމަށް ފުރުސަތު ލިބިފައިވާކަން ސާބިތުކޮށްދިނުމަށް އެ ޕްރޮގްރާމް ހިންގާ މަރުކަޒުން ދޫކޮށްފައިވާ "ޕްލޭސްމެންޓް ލެޓަރ" ނުވަތަ "އޮފަރ ލެޓަރ"؛
  3. މަރުކަޒަށް ހާޒިރުވެގެން ކިޔަވަންޖެހޭ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމެއް ނަމަ، ކިޔެވުމަށް ހާއްސަވެގެން އެ ގައުމަކަށް ގޮސް ކިޔެވުން ފުރިހަމަ ކުރާކަން ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއަށް ހުށަހަޅާ ލިޔުން ނުވަތަ ސިޓީ.

 

4 ވަނަ މާއްދާ - މަރުކަޒަށް ހާޒިރުވެގެން ކިޔެވުން

ކިޔަވައިދޭ މަތީ ތައުލީމުދޭ މަރުކަޒަށް ހާޒިރުވެގެން ކިޔެވުންކަމަށް މާނަކޮށްފައި ވަނީ،ޑޮކްޓޯރަލް ޑިގްރީއަށް ކިޔެވުމަށްޓަކައި ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކަށް ހާޒިރުވެ، ކިޔެވުމަށް ހާއްސަވެގެން ފުލްޓައިމްކޮށް ކިޔަވާ ޕްރޮގްރާމެއްގެ މުޅި މުއްދަތުގައި އެ ގައުމެއްގައި ހުރެގެން ކިޔެވުން ފުރިހަމަ ކުރުމަށެވެ. ކިޔަވައިދޭ މަތީ ތައުލީމުދޭ މަރުކަޒަށް ހާޒިރުވެގެން ކިޔެވުން ކަމަށް މާނަ ކުރެވެނީ، ޑޮ ކްޓޯރަލް ޑިގްރީއަށް ކިޔެވުމަށްޓަކައި ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކަށް ހާޒިރުވެ، ކިޔެވުމަށް ހާއްސަވެގެން ކިޔަވާ ޕްރޮގްރާމެއްގެ މުއްދަތުގައި އެ ގައުމެއްގައި ހުރެގެން ކިޔެވުން ފުރިހަމަ ކުރުމެވެ.

 

5 ވަނަ މާއްދާ - ޑޮކްޓޯރަލް ޑިގްރީ ސަނަދުގެ ފެންވަރު ބެލުން

ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ޑޮކްޓޯރަލް ޑިގްރީޕްރޮގްރާމްތަކުގެ ސަނަދުގެ ފެންވަރު ބެލުމުގެ މަރުހަލާގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރެވޭނެއެވެ.

(ހ) އީ-ލަރނިންގ އިން ނުވަތަ މަރުކަޒަށް ހާޒިރު ނުވެ ކިޔަވާ ނަމަ ގަބޫލުކުރެވޭނީ،އެއީ ޕާޓްޓައިމް އިންތިޒާމެއްގެ ދަށުން ހިންގޭ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ހާލަތުގައި އެ ޕްރޮގްރާމެއްގެ މުއްދަތު މި މާއްދާގެ (ނ) ގައި ބުނާ މުއްދަތަށް ފެތެންވާނެއެވެ.

(ށ) ފުލް ޓައިމް މުއްދަތުކަމަށް ގަބޫލުކުރެވޭނީ، އެމް.އެން.ކިޔު.އެފް ގައިވާ ގޮތަށް މަދުވެގެން 3) ތިނެއް) އަހަރުދުވަހުގެ މުއްދަތެވެ.

(ނ) ޕާރޓް ޓައިމް މުއްދަތުކަމަށް ބެލެވޭނީ، ފުލް ޓައިމް މުއްދަތަށް ވުރެ ދިގު މުއްދަތެކެވެ. އެއީ، ފުލްޓައިމް މުއްދަތުގެ ދެ ގުނަ ނުވަތަ މަދުވެގެން 5 އަހަރުގެ މުއްދަތެކެވެ.

(ރ) ސަނަދު ގަބޫލުކުރުމުގައި މިހާރު ވެސް ބަލަމުން އަންނަ ތިރީގައިވާ ހުރިހާ ކަންކަން.

  1. ސަނަދުގެ ފެންވަރު ބެލުމަށް އެދި ހުށަހަޅާ އެޕްލިކޭށަން ފޯމު.
  2. ޑޮކްޓޯރަލް ޑިގްރީއަކީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ މިންގަނޑުތަކަށް ފެތޭ ސަނަދަކަށް ވުން.
  3. ޑޮކްޓޯރަލް ޑިގްރީއަށް ކިޔަވައިދޭ މަތީ ތައުލީމުދޭ މަރުކަޒަކީ،ޔުނިވަރސިޓީއަކަށް ވުން ނުވަތަ އެ ގައުމެއްގެ ސަރުކާރުން ޔުނިވަރސިޓީއެއްގެ ދަރަޖަ ދީފައިވާ ނުވަތަ ޑޮކްޓޯރަލް ޑިގްރީއަށް ކިޔަވައިދިނުމަށް އެ ގައުމެއްގެ ކަމާބެހޭ ސަރުކާރުގެ އިދާރާއިން ހުއްދަ ދީފައިވާ މަތީ ތައުލީމުދޭ މަރުކަޒަކަށް ވުން.
  4. ޑޮކްޓޯރަލް ޑިގްރީ އެވޯޑް ކުރާ މަތީ ތައުލީމުދޭ މަރުކަޒަކީ، ޔުނިވަރސިޓީއަކަށް ވުން ނުވަތަ އެ ގައުމެއްގެ ސަރުކާރުން ޔުނިވަރސިޓީއެއްގެ ދަރަޖަ ދީފައިވާ ނުވަތަ ޑޮކްޓޯރަލް ޑިގްރީ އެވޯޑް ކުރުމަށް އެ ގައުމެއްގެ ކަމާބެހޭ ސަރުކާރުގެ އިދާރާއިން ހުއްދަ ދީފައިވާ މަތީ ތައުލީމުދޭ މަރުކަޒަކަށް ވުން.
  5. އެމް.ކިއު.އޭ ގެ "މިނިމަމް އެންޓްރީ ކްރައިޓީރިއާ ފޮރ އެމް.އެން.ކިޔު.އެފް ކޮލިފިކޭށަންސް" ގައިވާ އެންޓްރީ ކްރައިޓީރިއާއަށް ފެތޭގޮތަށް ޑޮކްޓޯރަލް ޑިގްރީއަށް އެންރޯލްވެފައި ވުން.
  6. ޑޮކްޓޯރަލް ޑިގްރީއަކީ، ހުއްދަ ދިނުމާއި، އެކްރެޑިޓްކުރުމުގެ ނިޒާމުގެ ތެރެއިން ވަކިވަކި ޕްރޮގްރާމްތަކަށް ހުއްދަ ހޯދަންޖެހޭ އަދި އެ މައުލޫމާތުތައް ށާއިއުކޮށްފައިވާ ގައުމެއް ނަމަ، ކިޔަވައިދޭ އަދި އެވޯޑްކުރާ ޔުނިވަރސިޓީއަކަށް އެ ގައުމެއްގެ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ހިންގުމުގެ ހުއްދަ ދީފައިވާ ނުވަތަ އެކްރެޑިޓްކޮށްފައިވާ މަތީ ތައުލީމުގެ ޕްރޮގްރާމަކަށް ވުން.

 

6 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 2021-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު