-

 މަތީ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމާ ބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2022-76)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

މިއީ، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 71 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައި ފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ -

މި ގަވާއިދަށް ކިޔާނީ، "މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމާ ބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ހުއްދަދީގެން ނުވަތަ އެކްރެޑިޓްކޮށްގެން ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން، އެ މަރުކަޒުތަކަށް ދަރިވަރުން ހާޒިރުވާގޮތަށް ކިޔަވައިދޭ ޕްރޮގްރާމްތަކާއި، ދަރިވަރުން ހާޒިރުވާން ނުޖެހޭ ގޮތަށް ހިންގާ ޕްރޮގްރާމްތައް ނުވަތަ އީ-ލާރނިންގގެ ޕްރޮގްރާމްތަކާއި، މި ދެ ބައި ހިމަނައިގެން ހިންގާ ޕްރޮގްރާމްތައް ނުވަތަ ބްލެންޑެޑް ލާރނިންގ ޕްރޮގްރާމްތައް ހިންގުމާބެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި އާންމުކުރުމެވެ.

 

4 ވަނަ މާއްދާ - މަތީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގުމުގެ ހުއްދަ

މި ގަވާއިދުގެ 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި، 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަތީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގަންވާނީ، އެމް.ކިއު.އޭ. އިން އެކަމަކަށް ކަނޑައަޅައިފައިވާ ގައިޑްލައިންތަކާއި، އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހިންގުމުގެ ހުއްދަ ނުވަތަ ޕްރޮގްރާމް އެކްރެޑިޓޭށަން ހޯދައިގެންނެވެ.

 

5 ވަނަ މާއްދާ - މަރުކަޒުތަކަށް ހާޒިރުވާ ގޮތަށް ކިޔަވައިދޭ ޕްރޮގްރާމްތައް

މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން، އެ މަރުކަޒުތަކަށް ދަރިވަރުން ހާޒިރުވާގޮތަށް ކިޔަވައިދޭ ޕްރޮގްރާމްތައް ހިންގަންވާނީ، އެމް.ކިއު.އޭ. އިން ށާއިއުކޮށްފައިވާ "ޕްރޮގްރާމް އެކްރެޑިޓޭށަން ގައިޑްލައިން" އާއި ގަވާއިދު ނަންބަރު 2022-77 (ޕްރޮގްރާމް އެކްރެޑިޓޭށަން ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

6 ވަނަ މާއްދާ - މަރުކަޒުތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭ ގޮތަށް ކިޔަވައިދޭ ޕްރޮގްރާމްތައް

(ހ) މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން، އެ މަރުކަޒުތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭގޮތަށް ހިންގާ، މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގަންވާނީ، އެމް.ކިއު.އޭ. އިން ށާއިއުކޮށްފައިވާ "އީ-ލާރނިންގ ގައިޑްލައިން" އާ އެއްގޮތްވާ ގޮތުގެމަތީންނެވެ.

(ށ) މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭ ގޮތަށް ކިޔަވައިދޭ،މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ފަރުމާކުރަންވާނީ، އެމްކިއު.އޭ. އިން ށާއިއުކުރާ "އީ-ލާރނިންގ ގައިޑްލައިން" އާ އެއްގޮތަށެވެ. އަދި މިފަދަ ކޮންމެ ޕްރޮގްރާމެއް ވެސް އެކްރެޑިޓް ކުރުމަށް ހުށަހަޅާއިރު، ޕްރޮގްރާމް ޑޮކިއުމެންޓުން އެއީ ދަރިވަރުން ހާޒިރުވާން ނުޖެހޭގޮތަށް ހިންގާ ޕްރޮގްރާމެއްކަން އެނގެންވާނެއެވެ.

 

7 ވަނަ މާއްދާ - މަރުކަޒުތަކަށް ދަރިވަރުން ހާޒިރުވެގެންނާއި ހާ ޒިރުނުވެ ހިންގާ ޕްރޮގްރާމްތައް

(ހ) މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމެއް ކިޔަވައިދޭއިރު، ބައެއް ބައިތައް، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަށް ހާޒިރުވާ ގޮތަށް އަދި އަނެއް ބައިތައް، މަތީ ތައުލީމުދޭ މަރުކަޒަށް ހާޒިރުވާން ނުޖެހޭ ގޮތަށް ހިންގާ ޕްރޮގްރާމްތަކަށް ކިޔާ ނަމަކީ "ބްލެންޑެޑް ލާރނިންގ" އެވެ. މި ގޮތަށް ހިންގާ ޕްރޮގްރާމްތައް ހިންގަންވާނީ، އެމްކިއު.އޭ. އިން ށާއިއުކުރާ "އީ-ލާރނިންގ ގައިޑްލައިން" އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ބްލެންޑެޑް ލާރނިންގ އިން ކިޔަވައިދޭ، މަތީ ތައުލީމުގެ ޕްރޮގްރާމްތައް ފަރުމާކުރަންވާނީ،އެމްކިއު.އޭ. އިން ށާއިއުކުރާ "އީ-ލާރނިންގ ގައިޑްލައިން" އާ އެއްގޮތަށެވެ. އަދި މިފަދަ ކޮންމެ ޕްރޮގްރާމެއް ވެސް އެކްރެޑިޓް ކުރުމަށް ހުށަހަޅާއިރު، ޕްރޮގްރާމް ޑޮކިއުމެންޓުން އެއީ ބްލެންޑެޑް ލާރނިންގއަށް ހިންގާ ޕްރޮގްރާމެއްކަން އެނގެންވާނެއެވެ.

 

8 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމަށް ދޭ ހުއްދައާ ހިލާފަށް ހިންގުމަކީ މަނާކަމެކެވެ. މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމެއް، މަތީ ތައުލީމު ދޭ މަރުކަޒުތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭ ގޮތަށް އަދި "ބްލެންޑެޑް ލާރނިންގ" އިން ހިންގާ ޕްރޮގްރާމެއް،އެމް.ކިއު.އޭ. އިން ށާއިއުކުރާ "އީ-ލާރނިންގ ގައިޑްލައިން" ގައިވާ މިންގަނޑުތަކާއި މި ގަވާއިދަށް ނުފެތޭ ގޮތަށް ހިންގުމަކީ، މަނާ ކަމެކެވެ. މަރުކަޒުތަކަށް ދަރިވަރުން ހާޒިރުވާ ގޮތަށް ކިޔަވައިދޭ ޕްރޮގްރާމްތައް ހިންގުމުގައި، އެމް.ކިއު.އޭ. އިން ށާއިއުކޮށްފައިވާ "ޕްރޮގްރާމް އެކްރެޑިޓޭށަން ގައިޑްލައިން" އާއި، ގަވާއިދު ނަންބަރު 2022-77 (ޕްރޮގްރާމް އެކްރެޑިޓޭށަން ގަވާއިދު) ގައިވާ މިންގަނޑުތަކަށް ނުފެތޭ ގޮތަށް ހިންގުމަކީ، މަނާ ކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، މި ގަވާއިދާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގައިޑްލައިންތަކާ ހިލާފަށް، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ޕްރޮގްރާމް ހިންގާނަމަ، އެފަދަ މަރުކަޒުތަކާ މެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. 10،000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
  2. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގައިޑްލައިންތަކުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ ހިލާފަށް ޕްރޮގްރާމް ހިންގައިފައިވާ ނަމަ، މި މާއްދާގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ޖޫރިމަނާކުރުމާއެކު، ހިންގި ޕްރޮގްރާމްތަކުގެ އެކްރެޑިޓޭށަން ބާތިލުކުރުން.

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ޕްރޮގްރާމުގެ އެކްރެޑިޓޭށަން ބާތިލުކުރި ނަމަވެސް، އޭގެ ކުރިން ހުއްދަ ލިބިގެން ހިންގަން ފަށައިފައިވާ ބެޗްތަކުގެ ކިޔެވުން ކުރިޔަށް ގެންދިއުމަށް ފުރުސަތު ދެވޭނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ (2 (ވަނަ ނަންބަރުގެ ދަށުން ހުއްދަ ބާތިލުކުރާ ޕްރޮގްރާމްތައް ހިންގުމަށް ހުއްދައަށް އެދި އަލުން ހުށަހެޅޭނީ، ނުވަތަ އެ ޕްރޮގްރާމްތައް އެކްރެޑިޓޭށަނަށް އަލުން ހުށަހެޅޭނީ، މި ގަވާއިދުގެ ދަށުން ޕްރޮގްރާމުގެ ހުއްދަ ބާތިލުކުރާ ދުވަހުން ފެށިގެން، މީލާދީގޮތުން 1 (އެކެއް) އަހަރު ފަހުންނެވެ.

 

9 ވަނަ މާއްދާ - މާނަކުރުން

އެހެން ގޮތަކަށް މި ގަވާއިދުގައި މާނަކޮށްފައިވާ ތަންތަން ފިޔަވައި، އަންނަނިވި ލަފުޒުތަކުގެ މާނަ، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) "އޮތޯރިޓީ" ނުވަތަ "އެމް.ކިއު.އޭ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ އަށެވެ.

(ށ) "މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކަށެވެ.

(ނ) "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނު ދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށެވެ.

(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ބ) "އީ-ލާރނިންގ" ކަމަށް ބުނެފައި އެވަނީ، މަރުކަޒަކަށް އެއްގޮތަކަށް ވެސް ހާޒިރުނުވާ ގޮތަށް އިންޓަނެޓުގެ ޒަރީއާއިން ހިންގުމުގެ ހުއްދަ އެމް.ކިއު.އޭ. އިން ދީފައިވާ ނުވަތަ އެކްރެޑިޓްކޮށްފައިވާ މަތީ ތައުލީމުގެ ޕްރޮގްރާމެއްގައި ކިޔަވާ ކިޔެވުމަށެވެ.

(ޅ) "ބްލެންޑެޑް ލާރނިންގ" ކަމަށް ބުނެފައި އެވަނީ، ޕްރޮގްރާމުގެ ބައެއް، އެއްގޮތަކަށް ވެސް މަރުކަޒަށް ހާޒިރުނުވާ ގޮތަށް އިންޓަނެޓުގެ ޒަރީއާއިން، އަދި ޕްރޮގްރާމުގެ ބައެއް،މަރުކަޒަށް ހާޒިރުވާ ގޮތަށް ހިންގުމުގެ ހުއްދަ އެމް.ކިއު.އޭ. އިން ދީފައިވާ ނުވަތަ އެކްރެޑިޓްކޮށްފައިވާ މަތީ ތައުލީމުގެ ޕްރޮގްރާމެއްގައި ކިޔަވާ ކިޔެވުމަށެވެ.

 

10 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮގްރާމްތައް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގައިޑްލައިންތަކާއި އުސޫލުތަކާ އެއްގޮތަށް އެކުލަވައިލައި، މި ގަވާއިދަށް އަމަލުކުރަން ފަށާތާ، 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި އެމް.ކިއު.އޭ. އަށް ހުށަހަޅަންވާނެއެވެ. މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮގްރާމްތަކުގެ އެކްރެޑިޓޭށަން ކުރިޔަށް ގެންދަންވާނީ، އެމް.ކިއު.އޭ. އިން ށާއިއުކޮށްފައިވާ "ޕްރޮގްރާމް  އެކްރެޑިޓޭށަން ގައިޑްލައިން" އާއި ގަވާއިދު ނަންބަރު 2022-77 (ޕްރޮގްރާމް އެކްރެޑިޓޭށަން ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު