އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2022-75)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 16 މޭ 2022 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތައް އެކުލަވައިލައި، އެ ކައުންސިލްތައް އެކުލެވިގެންވާ ގޮތުގެ ތަފުސީލު ތައް ބަޔާންކޮށް، އެ ކައުންސިލްތައް ހިންގުމާ ގުޅޭގޮތުން، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 58 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތައް ދެނެގަނެ، ވަޒީފާގެ ބާޒާރަށް މީހުން ބޭނުންވާނެ ދާއިރާތައް ފާހަގަކޮށް، ނޭށަނަލް އޮކިއުޕޭށަނަލް ސްޓޭންޑަޑްތައް އެކުލަވައިލުމުގެ މަސައްކަތް ކުރުމަށާއި، އެ ކަންކަމާ ގުޅޭ ފަންނީ ލަފާދިނުމަށް ޓަކައި ސެކްޓަރ ކައުންސިލްތައް އެކުލަވައިލައި، އެ ކައުންސިލްތައް ހިންގާނެގޮތް ކަނޑައެޅުމެވެ.
3 ވަނަ މާއްދާ - އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ދާއިރާތައް
އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތައް އުފެއްދުމަށް ކަނޑައެޅިފައިވާ ދާއިރާތައް، ތިރީގައި މިވަނީއެވެ.
(ހ) އިޖުތިމާއީ ދާއިރާ ނުވަތަ ސޯށަލް އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް.
(ށ) މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ނުވަތަ ފިށަރީޒް އެންޑް އެގްރިކަލްޗަރ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް.
(ނ) ފަތުރުވެރިކަމުގެ ދާއިރާ ނުވަތަ ޓޫރިޒަމް އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް.
(ރ) ދަތުރުފަތުރުގެ ދާއިރާ ނުވަތަ ޓްރާންސްޕޯޓް އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް.
(ބ) އިމާރާތްކުރުމުގެ ދާއިރާ ނުވަތަ ކޮންސްޓްރަކްށަން އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް.
(ޅ) މައުލޫމާތާއި މުއާސަލާތުގެ ދާއިރާ ނުވަތަ އިންފޮމޭށަން ކޮމިއުނިކޭށަން ޓެކްނޮލޮޖީ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް.
4 ވަނަ މާއްދާ - އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކަށް މެންބަރުން އައްޔަނުކުރާ ގޮތާއި، މެންބަރުންގެ އަދަދު
(ހ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކަށް މެންބަރުން އައްޔަނުކުރާނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ކޮންމެ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލެއްގައި 9 (ނުވައެއް) މެންބަރުން ހިމެނޭ ގޮތަށް، އެމް.އެން.އެސް.ޑީ.އޭ. ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ލަފަޔާއެކު މިނިސްޓަރެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ކޮންމެ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލެއް އެކުލެވިގެންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ދާއިރާތައް ހިމެނޭގޮތުން، ޖުމުލަ 9 (ނުވައެއް) މެންބަރުންގެ މައްޗަށެވެ.
- ދާއިރާއާ ގުޅޭ، ސަރުކާރުގެ ވުޒާރާ ތަމްސީލުކުރުމަށް އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ މެންބަރު (1 މެންބަރު)؛
- ދާއިރާއާ ގުޅޭ ސަރުކާރުގެ އިތުރު އިދާރާއެއް ތަމްސީލުކުރުމަށް އެ އިދާރާގެ އެންމެ އިސްވެރިޔާ ކަނޑައަޅާ މެންބަރު (1 މެންބަރު)؛
- ދާއިރާއާ ގުޅޭ ޕްރޮފެށަނަލް އޮގަނައިޒޭށަނެއް ނުވަތަ އެސޯސިއޭށަނެއް ތަމްސީލުކުރުމަށް އެ އޮގަނައިޒޭށަނުން ނުވަތަ އެސޯސިއޭށަނުން ކަނޑައަޅާ މެންބަރު (1 މެންބަރު)؛
- ދާއިރާ ތަމްސީލުކުރާ ވަޒީފާދޭ ކުންފުންޏަކުން އެ ކުންފުނި ތަމްސީލުކުރުމަށް މެނޭޖިންގ ޑިރެކްޓަރ ކަނޑައަޅާ މެންބަރު (1 މެންބަރު)؛
- އެޕްރެންޓިސްށިޕް ޓްރޭނިންގއާ އެކު ވަޒީފާދޭ ކުންފުންޏެއް ތަމްސީލު ކުރުމަށް އެ ކުންފުންޏެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅާ މެންބަރު (1 މެންބަރު)؛
- ތަމްރީނު ދޭ މަރުކަޒެއް ނުވަތަ އިންސްޓިޓިއުޓް ބޭސްޑް ޓްރޭނަރެއް ތަމްސީލު ކުރުމަށް އެ ތަމްރީނުދޭ މަރުކަޒެއްގެ އިސްވެރިޔާ ކަނޑައަޅާ މެންބަރު (1 މެންބަރު)؛
- ދާއިރާ ތަމްސީލުކުރާ އިންޑަސްޓްރީ އެކްސްޕާޓުން (2 މެންބަރުން)؛
- އެމް.އެން.އެސް.ޑީ.އޭ. ތަމްސީލު ކުރުމަށް އެމް.އެން.އެސް.ޑީ.އޭ. ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ކަނޑައަޅާ ފަރާތެއް (1 މެންބަރު).
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ދާއިރާއިން ކައުންސިލަށް ކަނޑައަޅައިފައިވާ މެންބަރު ބަދަލުކުރަން ބޭނުންވެއްޖެނަމަ، އެމް.އެން.އެސް.ޑީ.އޭ. ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އެކަން މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. އަދި މިނިސްޓަރުގެ ލަފާގެ މަތީން، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، އެ ދާއިރާއަށް މެންބަރަކު އައްޔަނު ކުރަން ވާނެއެވެ.
5 ވަނަ މާއްދާ - އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ މެންބަރުން ވަކިކުރުމާއި ވަކިވުން
އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ މެންބަރުން ވަކިކުރުމުގައްޔާއި ވަކިވުމުގައި އަމަލު ކުރަންވާނީ އަންނަނިވި ގޮތަށެވެ.
(ހ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ މެންބަރުން ވަކިކުރާނީ، އެމް.އެން.އެސް.ޑީ.އޭ. ގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ ލަފަޔާއެކު، މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.
(ށ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ މެންބަރުކަމުގެ ށަރުތެއް އުނިވުމުން ނުވަތަ ތަމްސީލުކުރާ ހައިސިއްޔަތު ބަދަލުވުމުން އެ ފަރާތެއްގެ މެންބަރުކަން ގެއްލޭނެއެވެ.
6 ވަނަ މާއްދާ - އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކު ގެ ޗެއަރޕާރސަން ރިޔާސަތު ބެލެހެއްޓުމާއި، ބައްދަލުވުން ބޭއްވުން
(ހ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކަށް ޗެއަރޕާރސަން އައްޔަނުކޮށް ވަކިކުރާނީ،އެމް.އެން.އެސް.ޑީ.އޭ. ގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
(ށ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، އެ ކައުންސިލެއްގެ ޗެއަރޕާރސަނެވެ. ޗެއަރޕާރސަން ނެތް ހިނދެއްގައި ނުވަތަ ޗެއަރޕާރސަނަށް ހާޒިރު ނުވެވޭ ދުވަހެއްގައި ކައުންސިލުގެ ބައްދަލުވުމެއް ބާއްވާނަމަ ރިޔާސަތު ބަލަހައްޓާނީ، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ކަނޑައަޅާ ފަރާތަކުންނެވެ.
(ނ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުގެ ބައްދަލުވުންތައް ބާއްވާނީ ، އެމް.އެން.އެސް.ޑީ.އޭ. އަށް އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުގެ ލަފާ ބޭނުންވެއްޖެ ހާލަތެއްގައެވެ.
7 ވަނަ މާއްދާ - މެންބަރުންގެ ށަރުތުތައް
އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ހުންނަންވާނެއެވެ.
(ހ) ދިވެހި ރައްޔިތެއް ކަމުގައި ވުން.
(ށ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް ނިސްބަތްވާ ދާއިރާއިން ނުވަތަ އެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ ޑިޕްލޮމާ ހާސިލުކޮށްފައިވާ ފަރާތަކަށް ވުން.
(ނ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުގެ ބައްދަލުވުންތަކުގައި އަމަލީގޮތުން ބައިވެރިވެވޭ ފަރާތެއް ކަމުގައި ވުމާއި، މި މަސައްކަތަށް ވަގުތު ދެވޭ ފަރާތެއް ކަމުގައި ވުން.
(ރ) ޖިނާއީ ކުށެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހެއްކަމުގައި ނުވުން.
(ބ) ސަރުކާރުގެ އިދާރާތަކުން ހުށަހަޅާ ފަރާތްތަކަކީ ސިޔާސީ މަގާމެއް އަދާކުރާ ފަރާތަކަށް ނުވުން.
(ޅ) މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އެއްވެސް ކަމަކާ މަސްލަހަތު ފުށުއެރުމެއް ނެތް ފަރާތެއް ކަމަށް ވުން.
8 ވަނަ މާއްދާ - މެންބަރުންގެ މަސްއޫލިއްޔަތު
އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ މެންބަރުންގެ މަސްއޫލިއްޔަތުތަކީ އަންނަނިވި ކަންކަމެވެ.
(ހ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުތަކުގެ ބައްދަލުވުންތަކަށް ގަވާއިދުން ހާޒިރުވުން. އަދިހާޒިރު ނުވެނޭނަމަ، އެމް.އެން.އެސް.ޑީ.އޭ. އަށް ލިޔުމުން އެކަން އެންގުން.
(ށ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުތަކުގެ ބައްދަލުވުންތަކުގައްޔާއި މަށްވަރާތަކުގައްޔާއި ކަންކަން ނިންމުމުގައި އަމަލީގޮތުން ބައިވެރިވުން.
(ނ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ބައްދަލުވުންތަކުގެ ސިއްރު ހިފަހައްޓަންޖެހޭކަންކަމުގައި ސިއްރު ހިފެހެއްޓުން.
(ރ) ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތައް ދެނެގަތުން.
(ބ) ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް މީހުން ބޭނުންވާނެ ދާއިރާތައް ފާހަގަކުރުން.
(ޅ) އެމް.އެން.އެސް.ޑީ.އޭ. އިން އެކުލަވައިލާ ފަންނީ މާހިރުންގެ ޕެނަލްތަކުން އެކުލަވައިފައި ކައުންސިލްތަކަށް ހުށަހަޅާ، ނޭށަނަލް އޮކިއުޕޭށަނަލް ސްޓޭންޑަޑްތަކަށް ކޮމެންޓްކޮށް، އެ ސްޓޭންޑަޑްތައް ފާސްކުރުން.
(ކ) ނޭށަނަލް އޮކިއުޕޭށަނަލް ސްޓޭންޑަޑްތަކަށް ހިންގާ ތަމްރީނުތަކުގެ ފެންވަރު ބެލުން.
(އ) އެމް.އެން.އެސް.ޑީ.އޭ. ގެ ޗީފް އެގްޒެކެޓިވް އޮފިސަރަށާއި އޮތޯރިޓީއަށް ލަފާ ދިނުން.
9 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި، އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައިވަނީ ތިރީގައިވާ މާނައިގައެވެ.
(ހ) "އެމް.އެން.އެސް.ޑީ.އޭ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އަށެވެ.
(ށ) "އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ކަނޑައަޅާ ދާއިރާއިން ވަޒީފާދޭ ފަރާތްތަކާއި ދާއިރާގެ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ މާހިރުންނާއި ދާއިރާގެ ފަންނީ ޖަމްއިއްޔާތައް ހިމެނޭހެން އެކުލަވައިލާ ފަންނީ ޕެނަލަށެވެ.
(ނ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.
(ރ) "ނޭށަނަލް އޮކިއުޕޭށަނަލް ސްޓޭންޑަޑް" ކަމަށް ބުނެފައި އެވަނީ، ފަންނީ މަސައްކަތްތެރިކަމުގެ ވަޒީފާއަށް މީހުން ބިނާކުރުމަށް ބޭނުންވާ އިލްމާއި ހުނަރާއި މަސައްކަތުގެ އަހްލާގުގެ މިންގަނޑުތަކުގެ މައްޗަށް އެކުލަވައިލާ ނޭށަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑް ނުވަތަ އާމްދަނީ ލިބޭ މަސައްކަތް ގައުމީ ފެންވަރުގައި ދަސްކޮށްދިނުމަށް ބޭނުންކުރާ ހާއްސަ މިންގަނޑުތަކަށެވެ.
(ބ) "މަސައްކަތުގެ ދާއިރާ" ކަމަށް ބުނެފައި އެވަނީ، އާމްދަނީ ހޯދުމަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މަސައްކަތުގެ ދާއިރާ ނުވަތަ އޮކިއުޕޭށަނަށެވެ.
10 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު