-

މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ށަކުވާތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-70)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 މޭ 2022 ގައި)

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 67 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 71 ވަނަ މާއްދާގެ (ނ) ގެ (10) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދުގެ ނަމަކީ، "މަ ތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ށަކުވާތައް ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ހިދުމަތް ދިނުމުގައި، ގާނޫނު ނަންބަރު 2021/7) މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ލާޒިމުކުރާ މިންގަނޑުތަކަށް އެ ފަރާތްތަކުން އަމަލުކުރަމުންދާކަން ކަށަވަރުކުރުން.

(ށ) މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގައި ކުރާ ގާނޫނާއި ގަވާއިދާ ހިލާފު ކަންކަން، މިނިވަންކަމާއި، މުސްތަގިއްލުކަމާއި، އިންސާފުވެރިކަމާއެކު ބަލައި، އެ ފަރާތްތަކާމެދު އިޞްލާހީ ފިޔަވަޅު އަޅައި، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުން.

(ނ) ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކަކީ ހުރިހާ ގޮތަކުން ވެސް އާންމުންގެ އިތުބާރު ލިބިފައިވާ ތަންތަން ކަމުގައި ހެދުމާއި، މުޖުތަމައު ގަބޫލުކުރާ ފެންވަރުގެ ތަންތަން ކަމުގައި ހެދުން.

(ރ) ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކާއި، އެ މަރުކަޒުތަކުގެ މަސްއޫލުވެރިންނާއި، ކައުންސިލާއި ބޯޑުފަދަ ކޮމިޓީތަކުގެ މެންބަރުންނާއި، އެންމެހައި މުވައްޒަފުންނާއި، އެ ތަންތަނުން ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ މަޞްލަހަތާއި ހައްގުތައް ހިމާޔަތްކުރުން.

 

4 ވަނަ މާއްދާ - މި ގަވާއިދު ހިނގާނެ ފަރާތްތައް

ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއްގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ އެންމެހައި ތަންތަނާއި، އެ ތަންތަނުގެ މަސްއޫލުވެރިންނާއި، ކައުންސިލާއި ބޯޑުފަދަ ކޮމިޓީތަކުގެ މެންބަރުންނާއި، އެންމެހައި މުވައްޒަފުންނާއި، އެ ތަންތަނުން ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ މައްޗަށް މި ގަވާއިދު ހިނގާނެއެވެ.

 

ދެވަނަ ބާބު

ށަކުވާ ހުށަހެޅުން

 

5 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގެ ހައްގު ލިބިގެންވާ ފަރާތްތައް

(ހ) ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގައި ހިމެނޭ އެންމެހައި ފަރާތްތަކަށާއި އާންމުންނަށް މިނިސްޓްރީއަށް ށަކުވާ ހުށަހެޅުމުގެ ހައްގު މި ގަވާއިދުގެ ދަށުން ލިބިގެންވެއެވެ.

(ށ) މިނިސްޓްރީގެ އިތުރުން، ކަމާ ގުޅުންހުރި ތަހުގީގީ އެހެން އިދާރާއަކަށް ނުވަތަ ކޯޓަކަށް،އެއްވެސް ފަރާތަކުން މައްސަލަ ހުށަހެޅުމަށް، މި ގަވާއިދުން ހުރަހެއް ނާޅައެވެ.

 

6 ވަނަ މާއްދާ - މިނިސްޓްރީއަށް ށަކުވާ ހުށަހެޅުމުގައި އަމަލުކުރާނެ ގޮތް

މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނާއި އެ މަރުކަޒުތަކުގެ އެންމެހައި މުވައްޒަފުން، އެ މަރުކަޒަކުން ފޯރުކޮށްދޭ ހިދުމަތަކާ ގުޅިގެން ނުވަތަ އެހެން ދަރިވަރަކާ ނުވަތަ މުވައްޒަފަކާ ނުވަތަ މަރުކަޒަށް ޒިޔާރަތްކުރާ އެހެން ފަރާތަކާ ބެހޭގޮތުން ވެސް މިނިސްޓްރީއަށް ށަކުވާ ހުށަހެޅުމުގައި އަމަލުކުރަންވާނީ އަންނަނިވި ގޮތަށެވެ.

(ހ) ދަރިވަރަކު ނަމަ ނުވަތަ މުވައްޒަފަކު ނަމަ، މިނިސްޓްރީއަށް ށަކުވާ ހުށަހެޅުމުގެ ކުރިން، އެންމެ ފުރަތަމަ އެ ދަރިވަރަކު ތައުލީމު ހާސިލުކުރާ ނުވަތަ އެ މުވައްޒަފަކުމަސައްކަތްކުރާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުގައި ހަދައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މަރުކަޒަކަށް މައްސަލަ ހުށަހަޅަންވާނެއެވެ.

(ށ) މިނިސްޓްރީއަށް ށަކުވާ ހުށަހެޅޭނީ، އެ ދަރިވަރަކު ތައުލީމު ހާސިލުކުރާ ނުވަތަ އެ މުވައްޒަފަކު މަސައްކަތްކުރާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއްގައި ށަކުވާ ހުށަހެޅުމަށް ކަނޑައަޅައިފައިވާ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ށަކުވާ ހުށަހަޅައިފައިވީ ނަމަވެސް، ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ށަކުވާއާ ގުޅޭގޮތުން ޖަވާބެއް ދީފައި ނުވާނަމަ، ނުވަތަ ހުށަހެޅި ށަކުވާއަށް އެ މަރުކަޒަކުން ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ، އެ މައްސަލަ ބަލައިދިނުމަށް އެދި، މިނިސްޓްރީގައި އޮންނަ،ށަކުވާބަލާ ކޮމިޓީއަށް ހުށަހެޅިދާނެއެވެ. އަދި މިނިސްޓްރީއަށް ދަރިވަރަކު އެފަދަ ށަކުވާއެއް ހުށަހަޅާތާ، ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ލިޔުމުން ދަރިވަރަށް ޖަވާބުދޭންވާނެއެވެ.

(ރ) ތިން ވަނަ ފަރާތެއް މެދުވެރިކޮށް މައްސަލަ ހުށަހަޅަން ބޭނުންވާނަމަ، "ޕަވަރ އޮފް އެޓަރނީ" އެ ފަރާތަކާ ލިޔުމުން ހަވާލުކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ށަކުވާ ހުށަހަޅާ ފަރާތުން ހުށަހަޅަންވާނެ މައުލޫމާތު

ށަކުވާ ހުށަހަޅާނީ، އަންނަނިވި މައުލޫމާތު ހިމެނޭހެން މިނިސްޓްރީން ށާއިއުކުރާ ފޯމުންނެވެ.

(ހ) ށަކުވާ ހުށަހަޅާ ފަރާތުގެ މައުލޫމާތު.

(ށ) ހުށަހަޅާ ށަކުވާ ރައްދުވާ ފަރާތަކީ ނުވަތަ ފަރާތްތަކަކީ ކޮބައިކަން.

(ނ) ހުށަހަޅާ ށަކުވާގެ ބާވަތާއި ތަފުސީލު.

(ރ) އެކަމަކާ ގުޅިގެން ށަކުވާ ހުށަހަޅާ ކަމެއް ހިނގައިފައިވާ ތާރީހު ނުވަތަ ތާރީހުތައް.

(ބ) ހުށަހެޅި ށަކުވާއާ ގުޅިގެން، ދަރިވަރަކު ނަމަ، އެ ދަރިވަރަކު މަތީ ތައުލީމު ހާސިލުކުރާ މަރުކަޒުން، ނުވަތަ މުވައްޒަފަކު ނަމަ، އެ މުވައްޒަފަކު މަސައްކަތްކުރާ މަތީ ތައުލީމުދޭ މަރުކަޒުން ނިންމައިފައިވާ ނިންމުމުގެ ކޮޕީއެއް.

(ޅ) ހުށަހަޅާ ށަކުވާއަކާ ގުޅުންހުރި އިތުރު އެއްވެސް ލިޔެކިޔުމެއް، ނުވަތަ ހެއްކެއް ނުވަތަ މި ނޫންވެސް އިތުރު މައުލޫމާތު ހުރިނަމަ އެ މައުލޫމާތު.

(ކ) ހުށަހަޅާ މައްސަލައަކާ ގުޅޭގޮތުން ފޮނުވަން މިނިސްޓްރީން އަންގާ އިތުރު ލިޔުންތައް.

 

8 ވަނަ މާއްދާ - ށަކުވާ ބަލާ ކޮމިޓީ

މި ކޮމިޓީއަކީ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ހުށަހަޅާ ށަކުވާތައް ބެލުމަށް މިނިސްޓްރީން އެކުލަވައިލާ ކޮމިޓީއެކެވެ.

(ހ) ކޮމިޓީ އެކުލެވިގެންވަނީ، 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.

(ށ) މި ކޮމިޓީއަށް މެންބަރުން އައްޔަނުކުރާނީ މިނިސްޓަރެވެ.

 

9 ވަނަ މާއްދާ - ށަކުވާ ބެލުމުގައި އަމަލުކުރާނެ ގޮތް

މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީއަށް ހުށަހަޅާ ށަކުވާތައް ބެލުމުގައި އަމަލުކުރާނީ، އަންނަނިވި ގޮތަށެވެ.

(ހ) ހުށަހަޅާ މައްސަލައަކާ ގުޅިގެން، މައްސަލަ ހުށަހަޅާތާ ގިނަވެގެން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި މި ކޮމިޓީގެ ޖަލްސާއެއް ބާއްވަންވާނެއެވެ.

(ށ) ޖަލްސާ ބޭއްވޭނީ، ކޮމިޓީގެ މެންބަރުންގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

(ނ) ކޮމިޓީން އެއްވެސް ނިންމުމެއް ނިންމޭނީ، ޖަލްސާގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

 

10 ވަނަ މާއްދާ - ރިޔާސަތު

ށަކުވާ ބަލާ ކޮމިޓީގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ، މިނިސްޓަރު އައްޔަނުކުރާ ފަރާތެކެވެ.

 

ތިންވަނަ ބާބު

ބެލޭނެ ށަކުވާތައް

 

11 ވަނަ މާއްދާ - ރަޖިސްޓަރީނުކޮށް މަރުކަޒުތައް ހިންގުމާއި، ހުއްދަ ހޯދުމަކާނުލައި ޕްރޮގްރާމްތައް ހިންގުން

މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީނުކޮށް ހިންގައިފިނަމަ، ނުވަތަ ހުއްދަ ހޯދުމަކާ ނުލައި ޕްރޮގްރާމްތައް ހިންގައިފިނަމަ، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް ހުށަހެޅޭ ށަކުވާތައް ބަލައި ފިޔަވަޅު އެޅޭނެއެވެ.

 

12 ވަނަ މާއްދާ - ދަރިވަރުންގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުމާއި، ދަރިވަރުންނަށް މަސައްކަތް ކޮށްދިނުމަށް ހުށަހެޅުން

(ހ) މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ އެކަޑެމިކް މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް އަގުދީގެން ނުވަތަ އެނޫންވެސް ގޮތަކަށް ކުރުވުމަކީ މަނާކަމެކެވެ.

(ށ) މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ އެކަޑެމިކް މަސައްކަތެއް، އަގަށް ނުވަތަ އެނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ކޮށްދިނުމާއި، ކޮށްދިނުމަށް ހުށަހެޅުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމަލެއް ކޮށްފިނަމަ، އެ ފަރާތެއްގެ އަދަބަކީ، 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި؛

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އަދަބުގެ އިތުރުން، އެ ދަރިވަރު ކިޔަވަމުންދާ މަރުކަޒުގައި، އެފަދަ އަމަލުތައް ކުރާ ދަރިވަރުންނާ މެދު އަމަލުކުރުމަށް ހަމަޖެހިފައި އޮންނަ ނިޒާމެއްގެ ދަށުން ކަނޑައަޅައިފައިވާ ފިޔަވަޅެއް އެ ދަރިވަރަކާ މެދު އެޅުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. އަދި މިފަދަ އަމަލެއް ދަރިވަރަކު ކޮށްފިނަމަ، އެކަން ބަލައި ފިޔަވަޅު އަޅާނެ ނިޒާމެއް، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، މަތީ ތައުލީމާއި ތަމްރީނުދޭ ކޮންމެ މަރުކަޒެއްގައި ވެސް ގާއިމުކޮށްފައި އޮންނަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތަށް އެއްވެސް ދަރިވަރަކަށް މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުން ފިޔަވަޅު އަޅައިފިނަމަ، ކަން ހިނގައިދިޔަ ގޮތާއި އެޅި ފިޔަވަޅުގެ ތަފުސީލު ހިމެނޭ ރިޕޯޓެއް، ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ މަރުކަޒަކުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

13 ވަނަ މާއްދާ - މިނިސްޓްރީން ބަލައި ތަހުގީގު ހިންގުމަށްފަހު ފިޔަވަޅު އަޅާނެ އިތުރު ކަންކަން

މިނިސްޓްރީން ބަލައި ތަހުގީގު ކުރުމަށްފަހު ފިޔަވަޅު އަޅާނެ އިތުރު ކަންކަން، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މިނިސްޓްރީއަށް ހުށަހަޅަންޖެހޭ މައުލޫމާތުތައް ހުށަހެޅުމުގައި ޞައްހަނޫން މައުލޫމާތު ހުށަހެޅުން.

(ށ) މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒު ނުވަތަ މަރުކަޒުގެ މެންބަރަކު އިލްމީ ނަޒާހަތްތެރިކަން ގެއްލޭފަދަ އަމަލެއް ކުރުން.

(ނ) ފައިސާއާ ގުޅޭ ކަންކަމުގައި ހުށަހަޅާ ށަކުވާތައް.

(ރ) ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) އާއި،އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓާއި، ތަފާސްހިސާބާއި، މާލީ ބަޔާނާއި، ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް ހުށަހެޅުމުގައި މިނިސްޓްރީއަށް އެއްބާރުލުން ނުދިނުން.

(ބ) މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ މައި ކެމްޕަސްތަކުގެ ނަމާއި، ނަމުގެ މާނައާއި، ނަމުގެ ގޮތުގައި ބޭނުންކުރާ އިނީށިއަލްތަކާއި، ތަނުގެ ލޯގޯއާއި، ދިދައާއި، ވިށަނާއި، މިށަނާއި، މޮޓޯއާއި، މެންޑޭޓާއި، ހިންގާ ގަވާއިދާއި، ޗާޓަރާއި، މަންހަޖާއި، މުގައްރަރާއި، މަރުކަޒާއި މަރުކަޒުން ހިންގާ ޕްރޮގްރާމްތަކާއި އިތުރު ހަރަކާތްތަކާ ގުޅުންހުރި އެންމެހައި ކަންކަން ބައްޓަންކޮށްފައި ހުންނަންވާނީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީގެ 10 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 1994-06 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީންކަމަށްވާ ހިނދު، އެއިން ކަމަކާ ހިލާފުވުން

(ޅ) މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ އޮފީސްތަކުން، މަތީ ތައުލީމާއި ތަމްރީނުދިނުމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ ހިލާފުވުން.

 

14 ވަނަ މާއްދާ - މިނިސްޓްރީއަށް ހުށަހެޅޭ ށަކުވާ ބެލުމުގައި މިނިސްޓްރީއަށް ލިބިގެންވާ ބާރުތައް

(ހ) ބަލަމުންދާ މައްސަލައަކާ ގުޅިގެން މިނިސްޓްރީއަށް ހުށަހަޅަން އަންގާ ލިޔެކިޔުންތަކާއި މައުލޫމާތުތައް ފޯރުކޮށްދިނުމަށް ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް އެންގޭނެއެވެ.

(ށ) ހުށަހަޅާ މައްސަލައަކާ ގުޅިގެން، އެ މައްސަލައެއްގެ ބާވަތުން، މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި، ކުރިން އެންގުމަކާ ނުލައި، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަތަކަށް ވަދެ އެ ތަންތަނުގައިވާ ލިޔެކިޔުމާއި އެހެނިހެން ކަންކަން ބެލޭނެއެވެ.

(ނ) ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ އެންމެހައި ގަވާއިދުތަކުގައިވާ ގޮތުގެ މަތީން މިނިސްޓްރީން ކުރާ ކަމަކަށް ހުރަސްއަޅައި، އެއިން ކަމަކަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހަދައިފިނަމަ، އެ މަރުކަޒަކާމެދު ނުވަތަ އެ ކަމަކަށް ހުރަސްއެޅި ފަރާތް ނުވަތަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެއެވެ.

(ރ) މި މާއްދާގެ (ނ) އާއި، 13 ވަނަ މާއްދާގެ (ށ) އާއި (ނ) އާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެ ފަރާތެއް ނުވަތަ އެ ފަރާތްތަކެއް ނިސްބަތްވާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުގައި ހަދައިފައި ހުންނަ ގަވާއިދުތަކާއި އުސޫލުތަކުގެ ދަށުން ފިޔަވަޅު އެޅުމަށް އެ މަރުކަޒަކަށް އެންގޭނެއެވެ. އަދި 30 (ތިރީސް) ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅައިފައި މިނިސްޓްރީއަށް ލިޔުމުން އަންގަންވާނެއެވެ.

(ބ) މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކުން ނުވަތަ އެ މަރުކަޒަކަށް ނިސްބަތްވާ ފަރާތަކުން ހިންގައިފިނަމަ، އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ލިޔުމުން ނަސޭހަތްތެރިވެ 10،000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެކަމުގައި ޒިންމާވާ ފަރާތް ނުވަތަ ފަރާތްތަކަށް އެ މަރުކަޒެއްގައި ހަދައިފައި ހުންނަ ގަވާއިދުތަކާއި އުސޫލުތަކުގެ ދަށުން ފިޔަވަޅުއަޅައި، 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އަންގަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) އާއި (ބ) ގައިވާ ގޮތަށް މިނިސްޓްރީން އަންގާ އެންގުމާ ހިލާފުވެއްޖެނަމަ، މިނިސްޓްރީގައި އޮންނަ "ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފުތަރު" ނުވަތަ "ޔުނިވަރސިޓީތަކުގެ ދަފުތަރު" އިން އެ މަރުކަޒެއްގެ ނަން އުނިކުރެވޭނެއެވެ. އެފަދަ ތަނެއް ދަފުތަރުގައި އަލުން ހިމަނައިދެވޭނީ، މިނިސްޓްރީން އަންގައިފައިވާ ގޮތަށް، އެ މަރުކަޒެއްގައި ހަދައިފައި ހުންނަ ގަވާއިދުތަކާއި އުސޫލުތަކުގެ ދަށުން އެ ފަރާތްތަކާމެދު ފިޔަވަޅު އަޅައި ފައި، މިނިސްޓްރީއަށް ލިޔުމުން އެކަން އެންގުމުންނެވެ.

(ކ) މި މާއްދާގެ (ޅ) ގައިވާ ގޮތަށް "ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފުތަރު" ން ނުވަތަ "ޔުނިވަރސިޓީތަކުގެ ދަފުތަރު" ން، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއްގެ ނަން އުނިކޮށްފިނަމަ، އެމް.ކިއު.އޭ. އާއި އެމް.އެން.އެސް.ޑީ.އޭ އިން މަރުކަޒުތަކަށް ދެމުން އަންނަ ހުއްދަތަކާއި ހިދުމަތްތައް ވަގުތީގޮތުން ހުއްޓައިލެވޭނެއެވެ. މިފަދަ ހާލަތެއްގައި ވެސް، މަރުކަޒުގައި އެ ވަގުތު އެންރޯލްވެ ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ޕްރޮގްރާމްތައް ނިމެންދެން ކުރިޔަށް ގެންދަންވާނެއެވެ.

(އ) މި މާއްދާގެ (ޅ) ގައިވާ ގޮތަށް "ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފުތަރު" ން ނުވަތަ "ޔުނިވަރސިޓީތަކުގެ ދަފުތަރު" ން، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއްގެ ނަން އުނިކޮށްފިނަމަ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް މިނިސްޓްރީން ފަހިކޮށްދޭ ތައުލީމީ ފުރުޞަތުތަކާއި މާލީ ފުރުޞަތުތައް އެ މަރުކަޒަކަށް ފޯރުކޮށްދިނުން ވަގުތީގޮތުން ހުއްޓައިލެވޭނެއެވެ.

 

15 ވަނަ މާއްދާ - މިނިސްޓްރީން އަންގާ ލިޔެކިޔުންތައް ހުށަނޭޅުން

މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް، މިނިސްޓްރީން އަންގާ މުއްދަތަށް ހުށަނާޅައިފިނަމަ، އެ މަރުކަޒަކާމެދު ، އަންނަނިވި ތަރުތީބުން ފިޔަވަޅުއެޅޭނެއެވެ.

(ހ) މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް މިނިސްޓްރީން އަންގާ މުއްދަތަށް ހުށަނާޅައިފިނަމަ، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަން ބަޔާންކޮށް ލިޔުމުން ނަސޭހަތްތެރިވެ، އިތުރު 15 (ފަނަރަ) ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ދީފައިވާ އިތުރު މުއްދަތުގެ ތެރޭގައި ލިޔެކިޔުން ހުށަނާޅައިފިނަމަ، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 68 ވަނަ މާއްދާގެ ދަށުން 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާ މިނިސްޓްރީން އަންގާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ އަދި ލިޔެކިޔުންތައް ހުށަނާޅައިފިނަމަ ބެލެވޭނީ،މަސްއޫލުވެރިޔާ އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް މިނިސްޓްރީގައި ވެފައިވާ އިގްރާރާ ހިލާފުވީކަމަށެވެ. އެހެންކަމުން، އެ މަރުކަޒެއްގައި ހަދައިފައިވާ ގަވާއިދުތަކުގެ ދަށުން މަސްއޫލުވެރި ފަރާތާމެދު ފިޔަވަޅު އެޅުމަށް އެ މަރުކަޒަކަށް މިނިސްޓްރީން އަންގާނެއެވެ. އަދި 30 (ތިރީސް) ދުވަހުގެ ތެރޭގައި މަސްއޫލުވެރިޔާއާމެދު ފިޔަވަޅު އަޅައި މިނިސްޓްރީއަށް ލިޔުމުން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން މިނިސްޓްރީން އަންގާ އެންގުމާ ހިލާފުވެއްޖެނަމަ، މިނިސްޓްރީގައި އޮންނަ "ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފުތަރު" ން ނުވަތަ "ޔުނިވަރސިޓީތަކުގެ ދަފުތަރު" ން އެ މަރުކަޒެއް އުނިކުރެވޭނެއެވެ. އަދި ދަފުތަރުގައި އަލުން ހިމަނައިދެވޭނީ، މިނިސްޓްރީން އަންގައިފައިވާ ގޮތަށް، އެ މަރުކަޒެއްގައި ހަދައިފައި އޮންނަ ގަވާއިދުތަކާއި އުސޫލުތަކުގެ ދަށުން އެ ފަރާތްތަކާމެދު ފިޔަވަޅު އަޅައިފައި، މިނިސްޓްރީއަށް ލިޔުމުން އެކަން އެންގުމުންނެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތަށް މިނިސްޓްރީގައި އޮންނަ "ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފުތަރު" ން ނުވަތަ "ޔުނިވަރސިޓީތަކުގެ ދަފުތަރު" ން މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒެއްގެ ނަން އުނިކޮށްފިނަމަ، މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ކ) އާއި (އ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެ މަރުކަޒަކާމެދު އަމަލު ކުރެވޭނެއެވެ.

 

16 ވަނަ މާއްދާ - ޖޫރިމަނާގެ ފައިސާ ދެއްކުން

މި ގަވާއިދުގެ ދަށުން އެއްވެސް ފަރާތެއް ޖޫރިމަނާކޮށްފިނަމަ، އެ ޖޫރިމަނާގެ ފައިސާ ދައްކަންވާނީ މިނިސްޓްރީގެ ޓްރަސްޓް ފަންޑަށެވެ.

 

17 ވަނަ މާއްދާ - މިނިސްޓްރީގެ އިހްތިޞާޞުން ބޭރުން ފިޔަވަޅު އަޅަންޖެހޭ ކަންކަން

ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގައި ހިމެނޭ އެއްވެސް ފަރާތަކާމެދު ހުށަހެޅޭ ށަކުވާއަކާ ގުޅިގެން މިނިސްޓްރީން ހިންގަންޖެހޭ ތަހުގީގުތައް ހިންގުމަށްފަހު، އެ ކަމަކީ މިނިސްޓްރީގެ އިހްތިޞާޞުން ބޭރުން އިތުރު ފިޔަވަޅެއް އަޅަންޖެހޭ ކަމަކަށް ވާނަމަ، އެ ކަމެއް އިތުރަށް ތަހުގީގުކޮށް ޒިންމާ ނަގަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެކަމަކާ ގުޅުންހުރި އިދާރާތަކަށް ހުށަހެޅޭނެއެވެ.

 

ހަތަރުވަނަ ބާބު

އާންމު މާއްދާތައް

 

18 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

19 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައިވަނީ ތިރީގައިވާ މާނައިގައެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ށ) "އެމް.ކިއު.އޭ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއަށެވެ.

(ނ) "އެމް.އެން.އެސް.ޑީ.އޭ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަށެވެ.

(ރ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.

(ބ) "މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނު ދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަންތަނަށެވެ.

(ޅ) "ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފުތަރު ނުވަތަ ޔުނިވަރސިޓީތަކުގެ ދަފުތަރުން އުނިކުރުން" ކަމުގައި ބުނެފައި އެވަނީ، މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށްފަހު އާންމުކޮށްފައިވާ ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކާއި ޔުނިވަރސިޓީތަކުގެ ލިސްޓުން އެ މަރުކަޒެއްގެ ނަން އުނިކުރުމަށެވެ.

(ކ) "ދަރިވަރުގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުމާއި، ދަރިވަރުންނަށް މަސައްކަތް ކޮށްދިނުމާއި، ދަރިވަރުންނަށް މަސައްކަތްކޮށްދިނުމަށް ހުށަހެޅުން" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއްގައި، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ދަށުން އެކްރެޑިޓްކޮށްގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ހިންގާ ޕްރޮގްރާމެއްގައި، އެ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ޓަކައި، ދަރިވަރު އެސެސްކުރާ ގޮތަށް ދަރިވަރު އަމިއްލައަށް ކުރަންޖެހޭނެކަމަށް ކަނޑައަޅައިފައިވާ އެސައިންމަންޓްތަކާއި ދިރާސީ މަސައްކަތްތައް، އެހެން ފަރާތެއް މެދުވެރިކޮށް އަގުދީގެން ނުވަތަ އެނޫން ގޮތަކަށް ފުރިހަމަކޮށް، އެ މަސައްކަތަކީ ދަރިވަރުގެ އަމިއްލަ މަސައްކަތެއްގެ ގޮތުގައި އެ ދަރިވަރަކު ކިޔަވާ މަރުކަޒަކަށް ހުށަހެޅުމަށާއި، އެފަދަ މަސައްކަތެއް އެއްވެސް ފަރާތަކުން ކޮށްދިނުމަށާއި، އެފަދަ މަސައްކަތްތައް ކޮށްދޭކަމަށް އެއްވެސް ގޮތަކަށް އިސްތިހާރުކުރުމަށެވެ.

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 2021-07)

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު