-

މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޓީޗަރ އެޑިއުކޭށަން ޕެނަލްގެ ހިންގާ ގަ ވާއިދު

(ގަވާއިދު ނަންބަރު 2022-80)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޓީޗަރ އެޑިއުކޭށަން ޕެނަލްގެ މަސައްކަތްތައް ހިންގުމާއި، އެ ޕެނަލްގެ ބައްދަލުވުންތައް ބޭއްވުމާއި، އެ ޕެނަލްގެ ނިންމުންތަކާ ގުޅޭ އުސޫލުތައް ކަނޑައަޅައި، ގާނޫނު ނަންބަރު 2021-07 (މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ، އެ ޕެނަލުގެ ހިންގާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޓީޗަރ އެޑިއުކޭށަން ޕެނަލްގެ ހިންގާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ މަ ގުސަދު

މި ގަވާއިދުގެ މަގުސަދަކީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޓީޗަރ އެޑިޔުކޭށަން ޕެނަލްގެ ހިންގުމާއި، އެ ޕެނަލުގެ ޖަލްސާތައް ބޭއްވުމާއި، އެ ޕެނަލުގެ ނިންމުންތަކާ ގުޅޭ އެންމެހައި އު ސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެ ވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިމިވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ" އަށެވެ.

(ށ) "ޕެނަލް" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީގެ "ޓީޗަރ އެޑިއުކޭށަން ޕެނަލް" އަށެވެ.

 

4 ވަނަ މާއްދާ - ޕެނަލްގެ މެންބަރުން

އޮތޯރިޓީގެ ޓީޗަރ އެޑިއުކޭށަން ޕެނަލް އެކުލެވިގެންވަނީ، "މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން" އައްޔަނުކުރާ އަންނަނިވި 11 (އެގާރަ) މެންބަރުންގެ މައްޗަށެވެ.

(ހ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ކަނޑައަޅާ، އޮތޯރިޓީގެ މުވައްޒަފެއް.

(ށ) މިނިސްޓްރީ އޮފް އެޑިއުކޭށަންގެ ޓީޗަރ ރެޖިސްޓަރޭށަން ބޯޑުން ކަނޑައަޅާ 2 (ދޭއް) މުވައްޒަފުން.

(ނ) ނޭށަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭށަންގެ ފަރާތުން ކަނޑައަޅާ، އެ އިންސްޓިޓިއުޓްގެ 2 (ދޭއް) މުވައްޒަފުން.

(ރ) ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފަރާތުން ކަނޑައަޅާ، އެ ޔުނިވަރސިޓީގެ މުދައްރިސުން ތަމްރީނުކުރާ ފެކަލްޓީގެ އިސް ވެރިޔެއް.

(ބ) ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން އައްޔަނުކުރާ، އެ ޔުނިވަރސިޓީގެ މުދައްރިސުން ތަމްރީނުކުރާ ފެކަލްޓީގެ އިސް ވެރިޔެއް.

(ޅ) އަމިއްލަ ސްކޫލްތަކުގެ ތެރެއިން މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ކަނޑައަޅާ ސްކޫލަކުން އައްޔަނުކުރާ ޓީޗަރެއް.

(ކ) ސަރުކާރުގެ ސްކޫލްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އެޑިޔުކޭށަނުން ކަނޑައަޅާ ސްކޫލަކުން އެ މިނިސްޓްރީން އައްޔަނުކުރާ ޓީޗަރެއް.

(އ) ޓީޗަރ އެޑިއުކޭށަން ދާއިރާގެ ތައުލީމީ ޕްރޮގްރާމްތައް ހިންގާ ދިވެހިރާއްޖޭގެ އަމިއްލަ ކޮލެޖްތަކުގެ ތެރެއިން މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ކަނޑައަޅާ އަމިއްލަ 2 (ދޭއް) ކޮލެޖަކުން އައްޔަނުކުރާ 2 (ދޭއް) ފަރާތެއް.

 

5 ވަނަ މާއްދާ - ޗެއަރޕާސަން

(ހ) ޓީޗަރ އެޑިޔުކޭށަން ޕެނަލުގެ ޗެއަރޕާސަނަކީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ "ޓީޗަރ އެޑިއުކޭށަން ޕެނަލް" ގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށް އިންތިހާބުކުރާ ޓީޗަރ އެޑިއުކޭށަން ޕެނަލްގެ މެންބަރެކެވެ.

(ށ) ޗެއަރޕާސަން އައްޔަނުކުރާނީ، ކޮމިޓީން ފުރަތަމަ ބާއްވާ ބައްދަލުވުމުގައެވެ.

(ނ) ޗެއަރޕާސަން ރިޕޯޓް ކުރާނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) އަށެވެ.

(ރ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޓީޗަރ އެޑިއުކޭށަން ޕެނަލްގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ޕެނަލުގެ ޗެއަރޕާސަނެވެ.

(ބ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޓީޗަރ އެޑިއުކޭށަން ޕެނަލްގެ ރިޔާސަތު ބަލަހައްޓާ ފަރާތުގެ ޒިންމާތަކަކީ، އެ ޕެނަލުގެ މަސައްކަތްތައް ރާވައި ހިންގުމާއި، އެ ޕެނަލުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމެވެ.

(ޅ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޓީޗަރ އެޑިއުކޭށަން ޕެނަލްގެ ރިޔާސަތު ބަލަހައްޓާ ފަރާތުގެ ހައިސިއްޔަތުން ޗެއަރޕާސަން ކުރަންޖެހޭ ކަމެއް ކުރުމަށް އޭނާ އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެކަން ކުރުމަށް ބޯޑުގެ މެންބަރުންގެ ތެރެއިން މީހަކާ ޗެއަރޕާސަން ހަވާލުކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ޕެނަލުގެ މަސްއޫލިއްޔަތުތައް

(ހ) ޓީޗަރ އެޑިޔުކޭށަން ކޮމިޓީގެ މަސްއޫލިއްޔަތަކީ، އޮތޯރިޓީން އެޕްރޫވްކުރާ ތައުލީމީ ދާއިރާގެ ޕްރޮގްރާމްތަކުގައި އެންމެ ދަށްވެގެން ފުރިހަމަވާންޖެހޭ ސްޓޭންޑަރޑް (މިނިމަމް ސްޓޭންޑަރޑް) ތައް ކަނޑައަޅައި އޮތޯރިޓީއަށް ހުށަހެޅުމެވެ.

 

7 ވަނަ މާއްދާ - ޕެނަލުގެ މުއްދަތު

(ޅ) ޕެނަލުގެ މުއްދަތަކީ، ޕެނަލުގެ މަސްއޫލިއްޔަތުގެ ގޮތުގައި މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ކަޑައަޅައިފައިވާ މަސްއޫލިއްޔަތު އަދާކޮށް ނިމުމާ ހަމައަށެވެ.  

(ނޯޓް: މި މާއްދާގެ (ޅ) ނަންބަރު ދެވިފައިވަނީ އޮޅުމަކުން ކަމަށް ބެލެވޭ)

8 ވަނަ މާއްދާ - ޕެނަލުގެ ބައްދަލުވުންތައް

(ހ) ޓީޗަރ އެޑިއުކޭށަން ޕެނަލްގެ ބައްދަލުވުންތަކަށް ހާޒިރުވުމަށް އަންގާނީ، ޗެއަރޕާސަންގެ އިރުށާދާ އެއްގޮތަށް ސެކްރެޓޭރިއެޓުންނެވެ.

(ށ) ޓީޗަރ އެޑިއުކޭށަން ޕެނަލްގެ ބައްދަލުވުމެއް، އާންމުގޮތެއްގައި 2 (ދޭއް) ހަފުތާއިން އެއްފަހަރު، އަދި މަދުވެގެން މަހަކު އެއްފަހަރު ބާއްވަންވާނެއެވެ.

(ނ) ޓީޗަރ އެޑިއުކޭށަން ޕެނަލްގެ އެއްވެސް ބައްދަލުވުމެއް ބޭއްވޭނީ، ޕެނަލުގެ ޖުމުލަ 11 (އެގާރަ) މެންބަރުންގެ ތެރެއިން މަދުވެގެން 6 (ހައެއް) މެންބަރުން ހާޒިރުވެގެންނެވެ.

(ރ) ޓީޗަރ އެޑިއުކޭށަން ޕެނަލްގެ ރިޔާސަތު ބަލަހައްޓާނީ، ޗެއަރޕާސަން ނުވަތަ ޕެނަލުގެ މެންބަރުންގެ ތެރެއިން އޭނާ ކަނޑައަޅާ މީހެކެވެ.

(ބ) ޓީޗަރ އެޑިއުކޭށަން ޕެނަލްގެ ބައްދަލުވުންތަކުގައި ކުރާ މަށްވަރާއަކާ ގުޅޭގޮތުން މައުލޫމާތު ހޯދުމުގެ ބޭނުމުގައި، އިތުރު ފަރާތްތަކަށް، ބައްދަލުވުންތަކުގައި ބައިވެރިވުމަށް، ޗެއަރޕާސަނަށް ދައުވަތު ދެވިދާނެއެވެ.

(ޅ) ޕެނަލުގެ މެންބަރަކު ބައްދަލުވުމެއް އެޖެންޑާ ކުރުމަށް އެދޭނަމަ، އެ ކަމެއް، ބައްދަލުވުމުގެ 4 (ހަތަރެއް) ދުވަ ހުގެ ކުރިން ރިޔާސަތަށް އެޑްރެސްކޮށް އޮތޯރިޓީއަށް ލިޔުމަކުން (ސިޓީއަކުން، ނުވަތަ ނޯޓަކުން ނުވަތަ އީމެއިލަކުން) ހުށަހަޅަންވާނެއެވެ.

(ކ) އާދަޔާ ހިލާފު ހާލަތެއް މެދުވެރިވެގެން މެނުވީ، ބައްދަލުވުމުގެ ކުރިޔަށް 3 (ތިނެއް) ދުވަހުގެ ނޯޓިހެއް ދޭންވާނެއެވެ. ކުއްލި ހާލަތެއްގައި ބައްދަލުވުމަކަށް ހާޒިރުވުމަށް އެންގުމުގެ އިހްތިޔާރު ޗެއަރޕާސަނަށް ލިބިގެންވެއެވެ. ނަމަވެސް ކޮންމެ ހާލަތެއްގައި ވެސް ޖަލްސާއަށް ހާޒިރުވުމަށް އަންގާ އެންގުންތައް ލިޔެކިޔުންތަކުން ބަލަހައްޓަންވާނެއެވެ.

(އ) ބައްދަލުވުމަކަށް ހާޒިރުވުމަށް އަންގާއިރު، އެޖެންޑާއާއި އެޖެންޑާގައި ހިމެނޭ ކަންކަމާބެހޭ ލިޔުންތައް، އިލެކްޓްރޯނިކްކޮށް ނަމަވެސް، ބޯޑުގެ މެންބަރުންނަށް ފޮނުވަންވާނެއެވެ.

 

9 ވަނަ މާއްދާ - ޕެނަލުގެ ސެކްރެޓޭރިއެޓް

ޓީޗަރ އެޑިއުކޭށަންގެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) ހަމަޖައްސާ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ މުވައްޒަފަކު ނުވަތަ ނުވަތަ މުވައްޒަފުންތަކެކެވެ.

 

10 ވަނަ މާއްދާ - ޔައުމިއްޔާއާއި ރިކޯޑު ބެލެހެއްޓުން

(ހ) ޓީޗަރ އެޑިއުކޭށަން ޕެނަލްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ސެކެރެޓޭރިއެޓުން ލިޔެ ބަލަހައްޓަންވާނެއެވެ. އަދި ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ، ޖެހިގެން އޮންނަ ބައްދަލުވުމެއްގެ 24 (ސައުވީސް) ގަޑިއިރުގެ ކުރިން މެންބަރުންގެ ކޮމެންޓަށް ފޮނުވަންވާނެއެވެ. މެންބަރަކު އިސްލާހެއް ހުށަހަޅައިފިނަމަ، އެ އިސްލާހެއް، ޓީޗަރ އެޑިއުކޭށަން ޕެނަލްގެ މެންބަރުންނަށް،ޔައުމިއްޔާ ފާސްކުރުމުގެ ކުރިން އަންގަންވާނެއެވެ.

(ށ) ޓީޗަރ އެޑިއުކޭށަން ޕެނަލްގެ ކޮންމެ ބައްދަލުވުމެއްގައި، އޭގެ ކުރީ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ޕެނަލުގެ ނިންމުންތައް

(ހ) ޓީޗަރ އެޑިއުކޭށަން ޕެނަލަށް ހުށަހެޅޭ ހުށަހެޅުންތައް ނިންމާނީ، ބައްދަލުވުމަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕެނަލަށް ހުށަހެޅޭ ކަންކަމާ ގުޅޭގޮތުން، ޕެނަލުގައި ކުރި މަށްވަރާގެ ހުލާސާއަކާއި، ޕެނަލުގެ ނިންމުންތައް ސާފުކޮށް އެނގޭގޮތަށް، ޕެނަލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ، މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސެކްރެޓޭރިއެޓުން ލިޔެ ބަލަހައްޓަންވާނެއެވެ.

 

12 ވަނަ މާއްދާ - ޕެނަލުގެ މެންބަރުކަމުން ވަކިކުރުމާއި ވަކިވުން

(ހ) ޓީޗަރ އެޑިއުކޭށަން ޕެނަލްގައި އެ މެންބަރަކު ތަމްސީލުކުރާ ހައިސިއްޔަތު ގެއްލިއްޖެނަމަ ،ޕެނަލުގެ މެންބަރުކަމުން ވަކިވާނެއެވެ.

(ށ) ވަކި ސަބަބެއް އެންގުމަކާ ނުލައި ކޮމިޓީގެ 3 (ތިނެއް) ބައްދަލުވުމަށް މެންބަރަކު ހާޒިރު ނުވާނަމަ،އެ މެންބަރަކު ޕެނަލުން ވަކިކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) ޓީޗަރ އެޑިއުކޭށަން ޕެނަ ލްގެ މެންބަރުކަމުން މެންބަރަކު ވަކިވާން ބޭނުންވާނަމަ ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) އަށް ލިޔުމަކުން ހުށަހެޅުމުން މެންބަރުކަމުން ވަކިވާނެއެވެ.

 

13 ވަނަ މާއްދާ - މި ގަވާއިދު އިސްލާހުކުރުން

މި ގަވާއިދަށް އިސްލާހެއް ގެންނަން ބޭނުންވެއްޖެނަމަ، އެ އިސްލާހެއް ގެނައުމުގެ ކުރިން، އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑަށް ހުށަހަޅައި، އެ އިސްލާހަކާމެދު އެ ބޯޑުގެ ލަފާ ހޯދަންވާނެއެވެ.

 

14 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން 
ފެށިގެންނެވެ.

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 7/2021)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު