-

މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-159)

1 ވަނަ މާއްދާ - ތައާރުފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ކ) އާއި، އެ ގާނޫނުގެ 71 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ. މި ގަވާއިދު ހިންގައި ތަންފީޛު ކުރާނީ މިނިސްޓްރީންނެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔަނީ، "މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އެއް މިންގަނޑެއްގެ ދަށުން މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމުގެ ކަންކަމުގައި އަމަލުކުރާނެ އާންމު އުސޫލުތަކާއި ހަމަތައް ކަނޑައެޅުމާއި، އެ ހަމަތައް ބަޔާންކުރުމެވެ.

 

4 ވަނަ މާއްދާ - މަރުކަޒުތައް ރަޖިސްޓަރީ ކުރުން

(ހ) މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއް ރަޖިސްޓަރީކުރަން ހުށަހެޅޭނީ، ގާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) އާއި، މަތީ ތައުލީމުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާ ގުޅޭގޮތުން އެކުލަވައިލާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ ކަމަށް ށަރުތު ހަމަވާ ފަރާތްތަކުންނެވެ.

(ށ) މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވޯކާއި މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސްޓޭންޑަރޑަށް ފެތޭ ޕްރޮގްރާމްތައް ހިންގަންވާނީ، އެ ޕްރޮގްރާމް ހިންގާ މަރުކަޒެއް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެންނެވެ.

(ނ) ރެގިއުލޭޓަރީ އިދާރާއަކުން ހުއްދަދީގެން ހިންގާ މަތީ ތައުލީމާއި ތަމްރީނުދޭ ޕްރޮގްރާމްތައް ހިންގަންވާނީ، އެ ޕްރޮގްރާމް ހިންގާ މަރުކަޒެއް މިނސްޓްރީގައި ރަޖިސްޓަރީކޮށްގެންނެވެ.

 

5 ވަނަ މާއްދާ - ރަޖިސްޓަރީކުރަން ހުށަހެޅޭނެ ފަރާތް

މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއް ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ އަންނަނިވި ފަރާތްތަކަށެވެ.

(ހ) ގާނޫނު ނަންބަރު 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެއް.

(ށ) ދައުލަތުގެ އިދާރާތައް.

(ނ) ގާނޫނު ނަންބަރު 2011/13 (ޕާޓްނަރށިޕް ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޕާޓްނަރށިޕެއް.

(ރ) ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެއް.

(ބ) ގާނޫނު ނަންބަރު 2003/1 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާއެއް.

 

6 ވަނަ މާއްދާ - މަރުކަޒުތައް ހިންގުން

(ހ) މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ހިންގަންވާނީ، ކިޔަވައިދިނުމާއި ތަމްރީނުތައް ހިންގުމުގެ ހުއްދައަށް އެދުމުން، މިނިސްޓްރީން އެކަމަށް ހުއްދަ ދީފައިވާ އިމާރާތެއްގައެވެ.

(ށ) މިނިސްޓްރީގައި މަރުކަޒު ރަޖިސްޓަރީ ކުރުމަށްފަހު، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވޯކާއި މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސްޓޭންޑަރޑާއި ރެގިއުލޭޓަރީ ބޮޑީއަކުން ހުއްދަ ލިބިގެން ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގަން ފަށަންވާނީ، އެ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ހޯދުމަށްފަހުގައެވެ.

(ނ) ގާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) އާއި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާ ގުޅޭގޮތުން އެކުލަވައިލާ ގަވާއިދުތަކުގައި ދަރިވަރުންނާ ގުޅޭގޮތުން ހަދަންޖެހޭކަމަށް ބަޔާންކޮށްފައިވާ އުސޫލުތައް އެކުލަވައިލައި، ދަރިވަރުންނަށް ފެންނާނޭހެން މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި އެ ތަކެތި އާންމުކޮށްފައި ހުންނަންވާނެއެވެ.

(ރ) ގާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) އާއި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ށަރުތުތައް ހަމަވާ މުވައްޒަފުންނާއި ލެކްޗަރަރއިން ތިބުމާއެކު، އެ ފަރާތްތަކާ ގުޅޭގޮތުން އެކުލަވައިލަންޖެހޭކަމަށް ބަޔާންކޮށްފައިވާ އުސޫލުތައް އެކުލަވައިލައި އާންމުކޮށްފައި ހުންނަންވާނެއެވެ.

(ބ) މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއްގެ ފެކަލްޓީއާއި، ކެމްޕަހާއި، އައުޓްރީޗް ސެންޓަރު ނުވަތަ މިނޫންވެސް އެހެން ނަމެއްގައި ހުޅުވާ ގޮތްޕެއް ހިންގަންވާނީ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމާ ގުޅޭގޮތުން މިނިސްޓްރީން އެކުލަވައިލާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން މިނިސްޓްރީން ހުއްދަ ލިބިގެންނެވެ.

 

7 ވަނަ މާއްދާ - ފެންވަރު ހިފެހެއްޓުމާއި ރިކޯޑު ބެލެހެއްޓުން

(ހ) މަތީ ތައުލީމާއި ތަންރީނުދޭ މަރުކަޒުތަކުގެ ފެންވަރު ކަށަވަރު ކުރުމަށް ޓަކައި  ކޮންމެ 3 (ތިނެއް) އަހަރަކުން މިނިސްޓްރީންނާއި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން އޮޑިޓްކުރާނެއެވެ.

(ށ) މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ކަށަވަރުކުރުމާއި ދަރިވަރުންގެ ހައްގުތައް ރައްކައުތެރި ކުރުމަށް ޓަކައި ބަލަންޖެހޭ ކަންކަން ބެލުމަށް، މިނިސްޓްރީއާއި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއާއި މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ބޭނުންވެއްޖެ ހިނދެއްގައި، މަރުކަޒުން އެ ކަމަށް މަގުފަހިކޮށްދޭން ވާނެއެވެ.

 

8 ވަނަ މާއްދާރަޖިސްޓަރީ ބާތިލުކުރުން

ގާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) އާއި، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމާ ގުޅޭގޮތުން އެކުލަވައިލާ ގަވާއިދުތަކުގައިވާ ގޮތުގެ މަތީން، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާރަޖިސްޓަރީ ނުކޮށް މަރުކަޒު ހިންގުން

ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއް ރަޖިސްޓަރީ ނުކޮށް ހިންގުމަކީ މަނާކަމެކެވެ. އަދި އެފަދަ އަމަލެއް ކޮށްފިނަމަ، އެ ފަރާތަކާމެދު، ގާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) އާއި، މި ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައިވާ ގޮތުގެ މަތީން ޖޫރިމަނާކޮށް ފިޔަވަޅުއެޅޭނެއެވެ.

 

10 ވަނަ މާއްދާ - ހާއްސަ ގަވާއިދުތަކަށް އިސްކަންދިނުން

ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމާއި ތަމްރީނުގެ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގައި، މި ގަވާއިދާއި، ގާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ އެންމެހައި ގަވާއިދުތަކަށް އަމަލުކުރަންވާނެއެވެ. އަދި ވަކި ކަމަކާ ގުޅޭގޮތުން ހާއްސަ ގަވާއިދެއް އޮވެފައި، އެ ގަވާއިދަކާ މި ގަވާއިދު ތައާރުޒުވާނަމަ އިސްކަންދޭންވާނީ ހާއްސަ ގަވާއިދަށެވެ. އަދި ފިޔަވަޅުއެޅުމުގައި ވެސް އިސްކަންދެވޭނީ ހާއްސަ ގަވާއިދަށެވެ.

 

11 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި، އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައިވަނީ ތިރީގައިވާ މާނައިގައެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަކަށެވެ.

(ށ) "މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނު ދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަންތަނަށެވެ.

 

12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 7/2021)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު