-

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު

(އުސޫލު ނަންބަރު 2023-06)

(މި އުސޫލަށް އަމަލުކުރަން ފެށީ 15 ޖަނަވަރީ 2023 ގައި)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި އުސޫލަކީ، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމާއި ތަމްރީނު ހޯދަން ބޭނުންވާ ދިވެހީންގެ ތެރެއިން އަލަށް ކިޔަވަން ފަށާ ފަރާތްތަކަށާއި، ކިޔަވަމުންދާ ފަރާތްތަކަށް ލޯނުގެ ގޮތުގައި މާލީ އެހީ ދިނުމާއި، ލޯނުގެ ގޮތުގައި މާލީ އެހީ ދޭނެ ފަރާތްތައް ކަނޑައެޅުމުގައި ބޭނުންކުރާނެ މިންގަނޑުތަކާއި، ލޯނު ދޭނެ ކަންތައްތަކާއި، ލޯނުގެ ބޭނުންހިފުމާއި ، ލޯނު އަނބުރާ ދެއްކުމާ ގުޅޭ ކަންކަން ބަޔާންކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ (ކ) ގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔަނީ، "ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، މަތީ ތައުލީމާއި ތަމްރީނުގެ މަރުހަލާއެއްގައި ކިޔެވުމަށް ށަރުތު ހަމަވާ ފަރާތްތަކަށް، ލޯނުގެ ގޮތުގައި މާލީ އެހީ ދީގެން ތަމްރީނު ހޯދުމާއި، މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.

 

3 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކަ ށާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "މަތީ ތައުލީމާއި ތަމްރީނު" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކް (އެމް.އެން.ކިޔު.އެފް) ގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 ގެ ނިޔަލަށް ހުރި ޕްރޮގްތަކަށާއި، ޕްރޮފެށަނަލް ޕްރޮގްރާމްތަކަށް ނުވަތަ ލައިސަންސް ޕްރޮގްރާމްތަކަށެވެ.

(ށ) "އެމް.އެން.ކިއު.އެފް" ކަމަށް ބުނެފައި އެ ވަނީ، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކްއަށެވެ.

(ނ) "ފުލްޓައިމް" ކަމަށް ބުނެފައި އެ ވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ފުލްޓައިމް ޕްރޮގްރާމްކަމަށް ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭ ޕްރޮގްރާމްތަކަށެވެ. އެއީ، މަދުވެގެން އަހަރަކު 120 (އެއްސަތޭކަ ވިހި) ކުރެޑިޓް އަވާރސްގެ ރޭޓުން ފުރިހަމަކުރާ ޕްރޮގްރާމްތަކެވެ.

(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކުރެވިފައިވާ ވުޒާރާއަށެވެ.

(ބ) "ޑިފޯލްޓެއް ނެތުން" ކަމަށް ބުނެފައި އެވަނީ، ލޯނަށް އެޕްލިކޭށަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑީގެ ނިޔަލަށް، މި މިނިސްޓްރީ މެދުވެރިވެގެން ކުރިން ނަގައިފައިވާ މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ރީޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކައިފައިވުމަށް ނުވަތަ ދައްކަމުންގެންދިޔުމަށެވެ.

(ޅ) "ފުލް ސްކޮލަރށިޕް" ކަމަށް ބުނެފައި އެވަނީ، ލޯނު ނަގާ ފަރާތުން ކިޔެވުމަށް ޓަކައި އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ސްކޮލަރށިޕްތަކަށެވެ.

(ކ) "އެޑްވާންސްޑް ސްޓޭންޑިންގ" ކަމަށް ބުނެފައި އެވަނީ، ކުރިން ކިޔެވި މޮޑިއުލެއްގެ މައްޗަށް ބިނާކޮށް، ފަހުން ކިޔަވާ ޕްރޮގްރާމުގެ މޮޑިއުލެއް ކިޔަވަން ނުޖެހި ޕްރޮގްރާމް ފުރިހަމަކުރާގޮތަށް ހަމަޖައްސައިފައިވުމަށެވެ.

(އ) "ޓޮޕްއަޕް ލޯނު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ދަރިވަރު ކިޔަވަމުންދާ ޕްރޮގްރާމުގެ މުއްދަތުގައި، ދަރިވަރުގެ އިހްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަކުރުމަށް އިތުރުވާ މުއްދަތަށް ދޭ ލޯނަށެވެ.

(ވ) "އާއިލީ މެންބަރު" ކަމަށް ބުނެފައި އެވަނީ، ލޯނަށް އެދޭ ފަރާތުގެ ބައްޕަ، ނުވަތަ މަންމަ، ނުވަތަ އެއްބަނޑުއެއްބަފާ/އެއްބަނޑު/އެއްބަފާ ދައްތައެއް، ނުވަތަ ބޭބެއެއް، ނުވަތަ ކޮއްކޮއެއް، ނުވަތަ މައިފުށު/ބަފައިފުށުގެ ބޮޑުބޭބެއެއް، ނުވަތަ ބޮޑުދައިތައެއް، ނުވަތަ ލޯނަށް އެދޭ ފަރާތުގެ އަމިއްލަ ދަރިއެއް ނުވަތަ ގާނޫނީގޮތުން އެ ފަރާތާ ބެލެނިވެރިކަން މަތިކޮށްފައިވާ ފަރާތްތަކަށެވެ.

(މ) "ގެރެންޓަރ" ކަމަށް ބުނެފައި އެވަނީ، ލޯނު އެއްބަސްވުމާ ގުޅޭގޮތުން ގެރެންޓީއެއް ނުވަތަ ސެކިއުރިޓީއެއް ނުވަތަ އިލްތިޒާމު އުފުލުމުގެ ޔަގީންކަން ދީފައިވާ ފަރާތަކަށެވެ.

(ފ) "އާއިލާ" ކަމަށް ބުނެފައި އެވަނީ، ލޯނަށް އެދޭ ފަރާތުގެ މަންމަ، ނުވަތަ ބައްޕަ، ނުވަތަ ދަރިން،ނުވަތަ ގާނޫނީގޮތުން ބެލެނިވެރިކަން މަތިކޮށްފައިވާ ފަރާތްތަކަށެވެ.

 

4 ވަނަ މާއްދާ - ލޯނުގެ ކެޓަގަރީތައް

މި އުސޫލުގެ ދަށުން ލޯނު ދިނުމަށް ހަމަޖެހިފައިވަނީ، 2 (ދޭއް) ކެޓަގަރީއަކަށެވެ. އެއީ، އަލަށް ކިޔަވަން ފަށާ ފަރާތްތަކުގެ ކެޓަގަރީއާއި، މިހާރު ކިޔަވަމުންދާ ފަރާތްތަކުގެ ކެޓަގަރީއެވެ.

(ހ) އަލަށް ކިޔަވަން ފަށާ ފަރާތްތައް: އަލަށް ކިޔަވަން ފަށާ ފަރާތްތައް ކަމުގައި ބަލާނީ، މި އުސޫލުގައިވާ ގޮތުގެ މަތީން ލޯނު ދިނުމަށްއިއުލާނު ކުރާ އަހަރުގެ ޖަނަވަރީ މަހުގެ 1 ނުވަތަ އޭގެ ފަހުން ޕްރޮގްރާމެއްގައި ކިޔަވަން ފަށާފަރާތްތަކަށެވެ.

(ށ) މިހާރު ކިޔަވަމުންދާ ފަރާތްތައް: މިހާރު ކިޔަވަމުންދާ ފަރާތްތައްކަމުގައި ބަލާނީ، މި އުސޫލުގައިވާ ގޮތުގެ މަތީން ލޯނު ދިނުމަށް އިއުލާނު ކުރާ އަހަރުގެ ޖަނަވަރީ މަހުގެ 1 ގެ ކުރިން ޕްރޮގްރާމެއްގައި ކިޔަވަން ފަށާ ފަރާތްތަކަށެވެ.

 

5 ވަނަ މާއްދާ - ލޯނަށް އެދެވޭނެ ފަރާތްތަކުގެ ށަރުތުތައް

(ހ) މި އުސޫލުގެ ދަށުން ލޯނަށް އެދެވޭނީ، އަންނަނިވި ށަރުތުތައް ހަމަވާ ފަރާތްތަކަށެވެ.

  1. އުމުރުން 16 (ސޯޅަ) އަހަރު ފުރިފައިވާ، ދިވެހި ރައްޔިތަކަށް ވުން؛
  2. ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި ކިޔަވަން ހުށަހަޅާ ފަރާތަކަށް ވުން؛
  3. އެމް.އެން.ކިއު.އެފް. ގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 ގެ ނިޔަލަށް ހުރި ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެއް ފުރިހަމަކުރަން ނުވަތަ ޕްރޮފެށަނަލް / ލައިސަންސް ޕްރޮގްރާމެއް ފުރިހަމަކުރަން ހުށަހަޅާ ފަރާތަކަށް ވުން؛
  4. ހާސިލުކޮށްފައިވާ ސަނަދަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ލިބޭ ޕްރޮގްރާމެއް ފުރިހަމަކުރަން ހުށަހަޅާ ފަރާތަކަށް ވުން. ޕްރޮފެށަނަލް ނުވަތަ ލައިސެންސް ޕްރޮގްރާމެއް ފުރިހަމަކުރަން ހުށަހަޅާނަމަ، އެމް.އެން.ކިއު.އެފް.ގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައި ނުވާ ފަރާތަކަށް ވުން؛
  5. ކިޔަވަން ހުށަހަޅާ ފެންވަރަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ދައުލަތުން ނުވަތަ އެހެން ފަރާތަކުން، ހިލޭ ނުވަތަ ލޯނެއް ގޮތުގައި ހަމަޖެހިފައި ނެތް ފަރާތަކަށް ވުން.
  6. މިނިސްޓްރީ މެދުވެރިވެގެން ކުރިން ލޯނު ނަގައިފައިވާނަމަ، އެއްބަސްވެފައިވާ ގޮތަށް އެ ލޯނު ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިފައިވުމާއެކު، ލޯނަށް އެދި ހުށަހަޅާއިރު، އެ ލޯނުގެ ޑިފޯލްޓެއް ނެތް ފަރާތަކަށް ވުން؛
  7. ލޯނު ނަގާ ފަރާތަށް އެ ލޯނުގެ ފައިސާ އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި، ފައިސާ ދެއްކުމުގެ މަސްއޫލިއްޔަތު އުފުލަން އެއްބަސްވާ ގެރެންޓަރެއް ހުރި ފަރާތަކަށް ވުން. މިގޮތުން ހުށަހަޅާ ގެރެންޓަރއަކީ ލޯނު ނަގާ ފަރާތުގެ "އާއިލީ މެންބަރަކަށް" ވާންވާނެއެވެ. އަދި އެ ފަރާތަކީ އުމުރުން 18 (އަށާރަ) އަހަރާއި 65 (ފަސްދޮޅަސްފަހެއް) އަހަރާ ދެމެދުގެ މީހަކަށް ވާންވާނެއެވެ.
  8. ކިޔަވަން އެދޭ ފެންވަރުގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް އެމް.އެން.ކިޔު.އެފް ގައި ކަނޑައަޅައިފައިވާ އެންޓްރީ ކްރައިޓްރީއާ ފުރިހަމަވާ ފަރާތަކަށް ވުން ؛
  9. "ނޭށަނަލް ޓްރެއިނިންގ ނީޑްސް ލިސްޓް" ގައި ހިމެނޭ ދާއިރާއެއްގެ ޕްރޮގްރާމެއް ފުރިހަމަކުރަން އެދޭ ފަރާތަކަށް ވުން؛
  10. ރާއްޖެއިން ބޭރުގައި ކިޔަވަން އެދޭ ފަރާތެއް ނަމަ، އެދޭ ޕްރޮގްރާމަކީ ރާއްޖޭގައި ފުރިހަމަކުރެވޭ ޕްރޮގްރާމެއް ކަމުގައި ނުވުން؛
  11. މިނިސްޓްރީން އިއުލާނު ކޮށްފައިވާ ފުލް ސްކޮލަރށިޕަކަށް ހޮވިފައިވާކަމަށް ސްކޮލަރށިޕް ދޭ ފަރާތުން އަންގައިފައިވާ ފަރާތެއް ކަމުގައި ނުވުން؛
  12. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސްލޮޓަކަށް ލޯނަށް ކުރިމަތިލާނަމަ، ސަރުކާރުގެ ކަމާ ގުޅޭ އިދާރާގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރު ގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ވުން.

(ށ) މި މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގެ އެމްބަސީތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލާ ފަރާތްތަކަށާއި، މި އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ކެޓަގަރީގައި ހިމެނޭ ފަރާތްތައް މި ށަރުތުން އިސްތިސްކުރެވޭނެއެވެ.

 

6 ވަނަ މާއްދާ - ފުރިހަމަކުރެވޭނެ ޕްރޮގްރާމްތަކާއި ކިޔަވަންދެވޭނެ ގައުމުތައް

(ހ) ލޯނު ދިނުމަށް ހުޅުވައިލައިފައިވާ ފުރުސަތުތަކުގެ ތަފުސީލާއި، ހުޅުވައިލައިފައިވާ ޖާގައިގެ އަދަދާއި، ކިޔަވަން ދެވޭ ގައުމުތަކުގެ ތަފުސީލާއި، ޕޮއިންޓް ދިނުމުގައި އަމަލުކުރާނެ އުސޫލާއި، ސްލޮޓްތަކަށް ޖާގަ ފުރުމުގެ އުސޫލާއި، ލޯނާ ގުޅޭ އިތުރު މައުލޫމާތު، ލޯނަށް އެޕްލިކޭށަން ހުށަހެޅުމަށް ކުރާއިއުލާނުގައި ބަޔާންކޮށްފައި ވާނެއެވެ.

(ށ) މި އުސޫލުގައިވާ ގޮތުގެ މަތީން ކިޔަވަން އެދޭ ޕްރޮގްރާމަކީ، ތިރީގައި ބަޔާންކޮށްފައިވާ ފެންވަރުތަކުގެތެރެއިން ފެންވަރަކަށް ފެތޭ، އަދި އެ މުއްދަތުގެ ޕްރޮގްރާމަކަށް ވާންވާނެއެވެ.

  1. ޑިޕްލޮމާ ޕްރޮގްރާމެއް ފުރިހަމަކުރާނަމަ، 2 (ދޭއް) އަހަރުދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ކަމުގައި ވުން؛
  2. ބެޗްލަރސް ޑިގްރީ ނުވަތަ ބެޗްލަރސް ޑިގްރީ އޮނާސްއާއެކު ފުރިހަމަކުރާ ޕްރޮގްރާމެއް ނަމަ، 4 (ހަތަރެއް) އަހަރުދުވަހަށްވުރެ ދިގު މުއްދަތެއްގެ ޕްރޮގްރާމެއް ކަމުގައި ނުވުން؛
  3. މާސްޓަރސް ޑިގްރީ ޕްރޮގްރާމެއް ފުރިހަމަކުރާނަމަ، 2 (ދޭއް) އަހަރުދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގެ ޕްރޮގްރާމެއް ކަމުގައި ވުން؛
  4. ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމެއް ފުރިހަމަކުރާނަމަ، 4 (ހަތަރެއް) އަހަރުދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގެ ޕްރޮގްރާމެއް ކަމުގައި ވުން؛
  5. އެމް.ބީ.ބީ.އެސް. ޕްރޮގްރާމެއް ނަމަ، އިންޓާންށިޕާއެކު 6 (ހައެއް) އަހަރުދުވަހަށް ވުރެ ދިގު ނުވުން؛ 
  6. ޕައިލެޓް ލައިސަންސް ޕްރޮގްރާމެއް ނަމަ، 2 (ދޭއް) އަހަރުދުވަހަށް ވުރެ ދިގު ނުވުން؛ 
  7. އެހެނިހެން ލައިސަންސް ޕްރޮގްރާމެއް ނަމަ، 3 (ތިނެއް) އަހަރުދުވަހަށް ވުރެ ދިގު ނުވުން.

(ނ) ލޯނު ނަގައިގެން ތައުލީމާއި ތަމްރީނު ހޯދަން، ކޮންމެ ގައުމަކަށް ވެސް ދެވިދާނެއެވެ. ނަމަވެސް އިއުލާނުކޮށްފައިވާ ގައުމުތައް ފިޔަވައި އެހެން ގައުމެއްގައި ކިޔެވުމަށް ލޯނު ދޭނީ، އިއުލާ ނުކޮށްފައިވާ ގައުމުތަކުގެ ތެރެއިން ލޯނު ނަގާ ފަރާތް އިހުތިޔާރުކުރާ ގައުމަކަށް، ކަނޑައަޅައިފައިވާ ރޭޓުންނެވެ.

(ރ) ދިވެހިރާއްޖޭގައި ކިޔެވުމަށް ދޫކޮށްފައިވާ ލޯނެއް އެހެން ގައުމެއްގައި ކިޔެވުމަށް ބަދަލެއް ނުކުރެވޭނެއެވެ. އެހެން ނަމަވެސް ލޯނު ނަގާ ފަރާތް ކިޔެވުމަށް އިހްތިޔާރުކޮށްފައިވާ ޕްރޮގްރާމް ހިންގުން ރާއްޖޭގެ މަރުކަޒުން ހުއްޓައިލައި އެ ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ އެހެން މަރުކަޒެއްގައި ކިޔަވައިނުދޭ ޕްރޮގްރާމެއްކަމަށް ވެއްޖެނަމަ ނުވަތަ ދިވެހިރާއްޖޭގެ އެހެން މަރުކަޒެއްގައި ކިޔަވައިދޭ ޕްރޮގްރާމެއްކަމަށް ވިޔަސް އެ ފަރާތަށް އެ މަރުކަޒެއްގައި ކިޔަވަން ފުރުސަތު ނުލިބޭ ހާލަތެއްގައި، އެހެން ގައުމެއްގައި ކިޔެވުމުގެ ފުރުސަތު އެ ފަރާތަށް ދެވޭނެއެވެ. މި ހާލަތުގައި ލޯނުގެ ޖުމުލަ އަދަދު ކަނޑައަޅާނީ، މި މާއްދާގެ (ނ) ގައިވާ ގޮތަށެވެ. 

(ބ) ދިވެހިރާއްޖެ ފިޔަވައި އެހެން ގައުމެއްގައި ކިޔެވުމަށް ލޯނު ލިބިގެން ކިޔަވަމުން އަންނަ ފަރާތެއް ފުރިހަމަކުރަމުންދާ ޕްރޮގްރާމުގެ ބާކީއޮތް ބައެއް އެޑްވާންސްޑް ސްޓޭންޑިންގއާއެކު ދިވެހިރާއްޖޭގެ މަރުކަޒެއްގައި ފުރިހަމަކުރެވޭ ހާލަތެއްގައި، އެގޮތަށް އެދޭނަމަ، އެ ފަރާތަކަށް ދިވެހިރާއްޖޭގައި ކިޔެވުމުގެ ފުރުސަތު ދެވޭނެއެވެ. މި ހާލަތުގައި ޕްރޮގްރާމުގެ ބާކީއޮތް ބަޔަށް ފައިސާ ދޭނީ،ދިވެހިރާއްޖޭގައި ކިޔެވުމަށް ފައިސާ ދިނުމަށް ކަނޑައަޅައިފައިވާ ރޭޓުންނެވެ.

(ޅ) ބޭރު ގައުމެއްގައި ކިޔަވަމުންދާ ފަރާތަކަށް ލޯނުގެ ފުރަތަމަ އިންސްޓޯލްމަންޓުގެ ފައިސާ ޖަމާކުރުމަށްފަހު، އެހެން ގައުމަކަށް ކިޔެވުން ބަދަލުކުރުމަށް އެދިއްޖެނަމަ، އެކަން ކޮށްދޭނީ، ލޯނުގެ ދަށުން ކިޔަވަން ފުރަތަމަ އެދުނު ގައުމުގައި ކިޔެވުމަށް ފައިސާ ދިނުމަށް ކަނޑައަޅައިފައިވާ ރޭޓުން، ލޯނުގެ ޖުމުލަ އަދަދު އިތުރުކޮށް ނުދެވޭ ގޮތަށެވެ. ބަދަލުވާ ގައުމުގެ ރޭޓް ފުރަތަމަ އެދުނު ގައުމުގައި ކިޔެވުމަށް ފައިސާ ދިނުމަށް ކަނޑައަޅައިފައިވާ ރޭޓަށްވުރެ ދަށްނަމަ، ޕްރޮގްރާމުގެ ބާކީއޮތް ބަޔަށްފައިސާ ހަމަޖައްސައިދެވޭނީ ބަދަލުވާ ގައުމަކަށް ކަނޑައަޅައިފައިވާ ރޭޓުންނެވެ.

(ކ) ލޯނު ނަގައިގެން ފުރިހަމަކުރަންވާނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ މަރުކަޒެއްގައި، އެ އޮތޯރިޓީން ގަބޫލުކުރާ ޕްރޮގްރާމެކެވެ. މި މާއްދާއިން އިސްތިސްނާވާނީ، މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ޕްރޮގްރާމްތަކެވެ.

(އ) ޕްރޮފެށަނަލް ދާއިރާތަކުން ނުވަތަ ލައިސެންސިންގ ދާއިރާތަކުން ކިޔެވުމަށް ފުރުސަތު ދޭނީ، ކިޔެވި ދާއިރާއިން މަސައްކަތްކުރުމަށް ހުއްދަދޭ ރެގިޔުލޭޓަރީ އޮތޯރިޓީން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭށަން އޮތޯރިޓީ) އެ ޕްރޮގްރާމަކަށް ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވުމާއެކު، އެ ފަރާތްތަކުން ގަބޫލުކުރާ މަރުކަޒެއްގައި، އެ ފަރާތްތަކުން ގަބޫލުކުރާ ޕްރޮގްރާމެއް ފުރިހަމަކުރުމަށެވެ. އަދި އެ ޕްރޮފެށަނަލް ޕްރޮގް ރާމްތައްނުވަތަ ލައިސަންސް ޕްރޮގްރާމްތައް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

 

7 ވަނަ މާއްދާ - ލޯނަށް އެދި ހުށަހެޅުން

(ހ) ލޯނަށް އެދި ހުށަހަޅާނީ، މިނިސްޓްރީން އިއުލާނު ކުރުމުން، އެކަމަށް ޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް، އޭގައި ބަޔާންކުރާ ހުރިހައި ލިޔުންތަކާ އެކުގައެވެ.

(ށ) ލޯނަށް އެދޭ ކޮންމެ ފަރާތަކުން ވެސް ހުށަހަޅަންވާނީ، 1 (އެކެއް) އެޕްލިކޭށަނެވެ. 1 (އެކެއް) އެޕްލިކޭށަނަށްވުރެ ގިނަ އެޕްލިކޭށަން ހުށަހަޅައިފިނަމަ، އެ ފަރާތެއްގެ އެޕްލިކޭށަންތައް ބާތިލުވާނެއެވެ.

(ނ) މިހާރު ކިޔަވަމުންދާ ފަރާތްތަކުގެ ކެޓެގަރީން އެޕްލިކޭށަން ހުށަހަޅާ ފަރާތްތަކުން މިހާރު ކިޔަވަމުންދާކަމާއި، ޕްރޮގްރާމް ނިންމުމަށް އޮތް މުއްދަތު އެނގޭނެ، ކިޔަވަމުންދާ މަރުކަޒުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - ލޯނުގެ ލިބޭނެ ފަރާތްތަށް ކަނޑައެޅުމަށް އިސްކަންދޭނެ ތަރުތީބު

ލޯނު ލިބޭނެ ފަރާތްތަށް ހޮވުމަށް އިސްކަންދޭނީ، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "ޕޮއިންޓް ދިނުމުގައި އަމަލުކުރާނެ އުސޫލާއި، ސްލޮޓްތަކަށް ޖާގަ ފުރުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

 

9 ވަނަ މާއްދާ - ފުރުސަތުގެ ބޭނުން ހިފުމަށް ދޭ މުއްދަތު

(ހ) ކިޔެވުމަށް އެދި ހުށަހަޅައިފައިވާ ޕްރޮގްރާމް ފެށުމަށް ލިބޭނީ، ލޯނު ހަމަޖެހުނުކަން އަންގާ ލިޔުމުގައިވާ ތާރީހުން ފެށިގެން 18 (އަށާރަ) މަސްދުވަހެވެ. މި މުއްދަތުގެ ތެރޭގައި ޕްރޮގްރާމް ނުފަށައިފިނަމަ،ނުވަތަ ސަބަބު ބަޔާންކޮށް މިނިސްޓްރީއަށް ލިޔުމުން ހުށަހަޅައިގެން މުއްދަތު އިތުރުނުކޮށްފިނަމަ،ލޯނުގެ ފުރުސަތު ބާތިލުވާނެއެވެ.

(ށ) ލޯނު ހަމަޖެހުނުކަން އަންގާ ލިޔުން ލިބުމަށްފަހު، ލޯނުގެ ފައިސާ ލިބެން ބޭނުންވާ ދުވަހުގެ، މަދުވެގެން ސަރުކާރު ބަންދު ނޫން 20 (ވިހި) ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެވެ. މި ގޮތަށް ލޯނުގެ ފައިސާ ދޫކޮށްދިނުމަށް އެދި ހުށަހަޅާނީ، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނުގެ ފައިސާ ދޫކުރުމަށް އެދޭ ފޯމު" ފުރިހަމަކޮށް، އެ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކުގައެވެ.

(ނ) ލޯނު ލިބިފައިވާ ފަރާތަކަށް، ކަނޑައެޅިފައިވާ މުއްދަތުގައި ޕްރޮގްރާމް ނުނިންމިއްޖެ ހާލަތެއްގައި، ނުނިންމުނު ސަބަބު ބަޔާންކޮށް މިނިސްޓްރީއަށް އަންގައި، ޕްރޮގްރާމުގެ ބާކީބައި ފަސްކުރުމުގެ ހުއްދަ މަރުކަޒުން ލިބިފައިވާކަމުގެ ލިޔުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - ލޯނުގައި ހިމެނޭނެ ހަރަދުތައް

(ހ) ރާއްޖެއިން ބޭރުގައި ކިޔެވުމަށް ލޯނު ފައިސާ ދޫކުރާނީ، އަންނަނިވި ކަންކަމަށް މިނިސްޓްރީން ކަނޑައަޅާ އަދަދުތަކަކަށެވެ.

  1. ޕްރޮގްރާމާ ގުޅޭގޮތުން ކިޔަވާ މަރުކަޒަށް ދައްކަންޖެހޭ ފީ؛
  2. ޕްރޮގްރާމުގެ މުއްދަތުގައި ދިރިއުޅުމުގެ ހަރަދު (ސްޓައިޕެންޑް)؛
  3. އަލަށް ކިޔަވަން ފަށާ ފަރާތްތަކުން ޕްރޮގްރާމް ފެށުމަށް ޓަކައި، ކިޔަވާ މަރުކަޒު ހުންނަ ގައުމަށް ށެޑިއުލްޑް ފްލައިޓެއްގައި އެންމެ ފަސޭހައިން ދެވޭނެ އެއަރޕޯޓަކަށް ދިޔުމަށާއި، ޕްރޮގްރާމް ނިމުމުން، އެ ގައުމެއްގެ އެ އެއަރޕޯޓުން އެ ފަރާތެއް ގެ ރަށާ އެންމެ ކައިރި އެއަރޕޯޓަކަށް ދަތުރުކުރާނެ ށެޑިއުލްޑް ފްލައިޓެއްގެ ޓިކެޓް؛
  4. ޕްރޮގްރާމުގެ މުއްދަތުގައި ފެށޭ ކޮންމެ ދިރާސީ އަހަރަކަށް، ބުކް އެލަވަންސް؛
  5. ޕްރޮގްރާމް އަލަށް ފަށާ ފަރާތްތަކަށް އެސްޓެބްލިށްމެންޓް އެލަވަންސް (1 ފަހަރު)؛
  6. ޕްރޮގްރާމް ނިމިގެން އެނބުރި އައުމަށް ޑިޕާޗަރ އެލަވަންސް؛
  7. ޕްރޮގްރާމުގެ މުއްދަތުގައި ފެށޭ ކޮންމެ ދިރާސީ އަހަރަކަށް، ކިޔަވާ މަރުކަޒުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން ހެލްތް އިންށުއަރެންސް؛
  8. ކިޔަވާ މަރުކަޒުން ކަނޑައަޅައިފައިވާ ގޮތަކަށް ވީޒާ ފީ؛
  9. ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ފަރާތަކަށް ރާއްޖެއިން ބޭރުގައި ކިޔެވުމަށް ލޯނު ދެވޭނީ، ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ޕްރޮގްރާމް ނިމިފައިވާ ބަޔަށް އެޑްވާންސްޑް ސްޓޭންޑިންގ ލިބޭނަމައެވެ. ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ޕްރޮގްރާމުގެ ނިމިފައިވާ ބަޔަށް އެޑްވާންސްޑް ސްޓޭންޑިންގ ނުލިބޭ ހާލަތްތަކުގައި، ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް އެ ފަރާތަކަށް އެހިނދަށް ކޮށްފައިވާ ހަރަދުގެ ފައިސާ އަނބުރާ ދެއްކުމަށް އެއްބަސްވެފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.އެހެންކަމުން، މި ހާ ލަތުގައި އެ ފަރާތް ބެލެވޭނީ، މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އަލަށް ކިޔަވަން ފަށާ ފަރާތެއް ގޮތުގައެވެ.

(ށ) ރާއްޖޭގައި ކިޔެވުމަށް ލޯނު ފައިސާ ދޫކުރާނީ، އަންނަނިވި ކަންކަމަށް މިނިސްޓްރީން ކަނޑައަޅާ އަދަދުތަކަށެވެ.

  1. އަލަށް ކިޔަވަން ފަށާ ފަރާތްތަކުން ޕްރޮގްރާމް ފެށުމަށް ޓަކައި، ކިޔަވާ މަރުކަޒު ހުންނަ ރަށަށް ވައިގެމަގުން/ކަނޑުމަގުން ދިޔުމަށާއި، ޕްރޮގްރާމް ނިމުމުން ކިޔެވި މަރުކަޒު ހުންނަ ރަށުން ވައިގެމަގުން/ކަނޑުމަގުން އެ ފަރާތެއްގެ ރަށަށް ދަތުރުކުރާނެ ޓިކެޓް ހަރަދު؛
  2. މަރުކަޒެއްގައި އެންރޯލްވެގެން ކިޔަވާނަމަ، ޕްރޮގްރާމާ ގުޅޭގޮތުން ކިޔަވާ މަރުކަޒަށް ދައްކަންޖެހޭ ފީ؛
  3. ޕްރޮގްރާމުގެ މުއްދަތުގައި ފެށޭ ކޮންމެ ދިރާސީ އަހަރަކަށް، ބުކް އެލަވަންސް؛
  4. ޕްރޮގްރާމުގެ މުއްދަތުގައި ދިރިއުޅުމުގެ ހަރަދު (ސްޓައިޕެންޑް)؛
  5. ރާއްޖޭގައި ތިބެގެން، ރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކުގައި ކިޔެވުމަށް ލޯނު ފައިސާ ދޫކުރާނީ، މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ.
  6. 13 ނޮވެންބަރު 2019 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު" ގެ ދަށުން އެ ސްކީމުގައި ކިޔަވާ ފަރާތެއް، ލޯނު ސްކީމުގެ ދަށުން ރާއްޖޭގައި ކިޔެވުމަށް ހޮވިއްޖެނަމަ، އެ ފަރާތެއްގެ ޓިއުށަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާބަޔާއި، މި މާއްދާގެ (ށ) ގެ ދަށުން ދިނުމަށް ކަނޑައަޅައިފައިވާ އެހެނިހެން ހަރަދުތައް ދެވޭނެއެވެ.

 

11 ވަނަ މާއްދާ - ލޯނުގެ ޖުމުލަ އަދަދު ކަނޑައެޅުމާއި ފައިސާ ޖަމާކުރުން

(ހ) ލޯނުގެ ޖުމުލަ އަދަދު ކަނޑައަޅާނީ، މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދުތަކަށް ރިއާޔަތް ކުރުމަށްފަހު، މިނިސްޓްރީންނެވެ.

(ށ) ލޯނުގެ ފައިސާ ޖަމާކޮށްދޭނީ، މިނިސްޓްރީއާއި ލޯނު ނަގާ ފަރާތާ ދެމެދު ވެވޭ "މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ އެއްބަސްވުން" ގައި ސޮއިކުރުމަށްފަހުގައެވެ.

(ނ) ލޯނުގެ ފައިސާ ޖަމާކުރެވޭނީ، އުސޫލެއްގެ ގޮތުން ހަމައެކަނި ލޯނު ލިބޭ ފަރާތުގެ ނަމުގައި ދިވެހިރާއްޖޭގެ ބޭންކެއްގައި ހުޅުވައިފައި އޮންނަ ދިވެހި ރުފިޔާގެ އެކައުންޓަކަށެވެ. ނަމަވެސް ލޯނު ލިބޭ ފަރާތް ރާއްޖެއިން ބޭރުގައި ހުރުމުގެ ސަބަބުން، އިގްރާރުގައި ސޮއިކުރަން ހާޒިރުނުވެވޭ ހާލަތުގައި، އެ ފަރާތުން ކަނޑައަޅާ، މި އުސޫލުގައި ބަޔާންކޮށްފައިވާ ފަދަ "އާއިލީ މެންބަރު" އެއްގެ ނަމުގައި ދިވެހިރާއްޖޭގެ ބޭންކެއްގައި ހުޅުވައިފައި އޮންނަ ދިވެހި ރުފިޔާގެ އެކައުންޓަކަށް ފައިސާ ޖަމާކޮށްދެވިދާނެއެވެ. އަދި މިގޮތަށް ފައިސާ ޖަމާކޮށްދެވޭނީ، ލޯނު އަނބުރާ އަދާކުރުމުގެ މަސްއޫލިއްޔަތު އުފުލަން އެއްބަސްވެ އިގްރާރުގައި އެ ފަރާތުން ސޮއިކުރުމުންނެވެ.

(ރ) ލޯނުގެ ފައިސާ ދޫކުރާނީ، އިންސްޓޯލްމަންޓުގެ ގޮތުގައެވެ. އެއީ ކޮންމެ އަހަރު 2 (ދޭއް) އިންސްޓޯލްމަންޓެވެ. ފުރަތަމަ އިންސްޓޯލްމަންޓަށްފަހު، ދެން ކޮންމެ ފަހަރަކު ވެސް އިންސްޓޯލްމަންޓަށް އެދެންވާނީ، ލޯނު ނެގި ފަރާތުން ކިޔަވަމުންދާކަން މިނިސްޓްރީއަށް ކަށަވަރު ކުރެވޭ ފަދަ ލިޔުމެއް، އެ ދަރިވަރަކު ކިޔަވާ މަރުކަޒު މެދުވެރިކޮށް މިނިސްޓްރީއަށް ފޮނުވުމަށް ފަހުގައެވެ.

 

12 ވަނަ މާއްދާ - ޓޮޕްއަޕް ލޯނު

މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށް މި އުސޫލުގެ ދަށުން ހަމަޖައްސައިދެވޭނެއެވެ.

 

13 ވަނަ މާއްދާ - ޓޮޕްއަޕް ލޯނު ދިނުމުގެ ށަރުތާއި ކަންކަން

މި އުސޫލުގެ ދަށުން ޓޮޕްއަޕް ލޯނަށް އެދެވޭނީ، ދަރިވަރުގެ އިހްތިޔާރުން ބޭރުން ދިމާވާ އަންނަނިވި ސަބަބަކާ ގުޅިގެން، އެ ކަންކަމަށް ހިނގާނެ ހަރަދުތަކަށެވެ.

(ހ) ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ މަރުކަޒުން ޕްރޮގްރާމް ކުރިޔަށްގެންދިއުން ހުއްޓައިލުން.

(ށ) ދަރިވަރަށް ކުރިމަތިވާ ބައްޔެއްގެ ސަބަބުން ޕްރޮގްރާމް ކުރިޔަށްގެންދިއުން ވަގުތީގޮތުން މެދުކަނދައިލުން.

(ނ) ޕްރޮގްރާމް ފުރިހަމަކުރަމުންދާ މަރުކަޒުން އެ ޕްރޮގްރާމަށް އެންރޯލްވީއިރު އެއްބަސްވެފައިވާ ޕްރޮގްރާމުގެ މުއްދަތަށާއި، ހަރަދުތަކަށް ބަދަލުތަކެއް ގެނައުން.

 

14 ވަނަ މާއްދާ - ޓޮޕްއަޕް ލޯނުގެ ޖުމްލަ އަދަދު ކަނޑައެޅުން

ލޯނުގެ ޖުމުލަ އަދަދު ކަނޑައަޅާނީ، މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދުތަކަށް ރިއާޔަތް ކުރުމަށްފަހު، މިނިސްޓްރީންނެވެ. ލޯނުގެ މުޅި ޖުމުލައިގެ ގޮތުގައި ބެލެވޭނީ، ލޯނުގެ ގޮތުގައި ފުރަތަމަ ދޫކޮށްފައިވާ އަދަދާއި، ޓޮޕްއަޕް ލޯނުގެ ގޮތުގައި ދޫކުރެވޭ އަދަދު ހިމަނައިގެންނެވެ. މިގޮތަށް އެއްކުރެވޭނީ، މިނިސްޓްރީއާއި ލޯނު ނަގާ ފަރާތާ ދެމެދު ވެވޭ "މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ އެއްބަސްވުން" ތަކުގައިވާ ފައިސާގެ އަދަދުތަކެވެ. މި މިނިސްޓްރީ މެދުވެރިވެގެން ކޮމާރށަލް ބޭންކްތަކާއެކު ވެފައިވާ މަތީ ތައުލީމާއި ތަމްރީނަށްދޭ ލޯނުތަކުގެ އެއްބަސްވުންތަކުގައިވާ ފައިސާގެ އަދަދަތަކެއް އެކެއް ނުކުރެވޭނެއެވެ.

 

15 ވަނަ މާއްދާ - ލޯނުގެ އެއްބަސްވުން އިސްލާހުކުރުން

ޓޮޕްއަޕް ލޯނު ދިނުމުގެ ކުރިން، މިނިސްޓްރީއާއި ލޯނު ނަގާ ފަރާތާއެކު ވެފައިވާ ލޯނު އެއްބަސްވުން،އަންނަނިވި ކަންކަން ހިމެނޭހެން އިސްލާހުކުރާނެއެވެ.

(ހ) ލޯނު އެކްސްޓެންށަނުގެ ފައިސާ ޖަމާކުރެވެނީ، ކުރިން ލޯނު ޖަމާކުރި އެކައުންޓު ނޫން އެހެން އެކައުންޓަކަށް ކަމުގައި ވާނަމަ، ކުރިން ލޯނު ޖަމާކުރި އެކައުންޓާއި، އިތުރު ފައިސާ ޖަމާކުރެވޭ އެކައުންޓުގެ ތަފުސީލު.

(ށ) އިތުރު ފައިސާ ދޫކުރުމުން، ލޯނުގެ ޖުމުލަ އަދަދަށް އަންނަ ބަދަލާއި، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތަށް އަންނަ ބަދަލު.

(ނ) އެއްބަސްވުން އަލަށް އެކުލަވައިލިއިރު ގެރެންޓީ ދިން ފަރާތް އެއްބަސްވުމަށް ގެނެވޭ އިސްލާހުގައި ސޮއިކުރަންވާނެކަން، ނުވަތަ ކުރިން ގެރެންޓީ ދިން ފަރާތް ނޫން އެހެން ފަރާތެއް ލޯނަށް ގެރެންޓީ ދޭކަމުގައި ވާނަމަ، އެ ފަރާތުން ގެރެންޓީ ދޭންވާނީ، ހަމައެކަނި އިތުރަށް ދޫކުރެވޭ ފައިސާގެ އަދަދަށް ނޫންކަމާއި، ގެރެންޓީ ދޭންވާނީ މުޅި ލޯނުގެ ޖުމުލަ އަދަދަށްކަން.

(ރ) މިނިސްޓްރީއާއި ލޯނު ނަގާ ފަރާތާއެކު ވެފައިވާ ލޯނު އެއްބަސްވުމަށް ބަދަލުގެންނަންޖެހޭކަމަށް މިނިސްޓްރީއަށް ފާހަގަކުރެވޭ ކަންކަން.

 

16 ވަނަ މާއްދާ - ލޯނުގެ ފައިސާ އަނބުރާ ސަރުކާރަށް ދެއްކުން

(ހ) ލޯނުގެގޮތުގައި ދޫކުރެވިފައިވާ ޖުމުލަ ފައިސާ (ލޯނުގެގޮތުގައި ނެގި ފައިސާއާއި، ލޯނު ދޫކުރުމަށް ދިން ހިދުމަތުގެ އެޑްމިނިސްޓްރޭޓިވް ޗާޖުގެ ގޮތުގައި އެ ފައިސާގެ %1 (އެކެއް އިންސައްތަ) އަށްވާ ޖުމުލަ މިންވަރު)، ޕްރޮގްރާމް ނިމޭ ތާރީހުން ފެށިގެން، ލަސްވެގެން 7 (ހަތެއް) ވަނަ މަހުން ފެށިގެން، ކަނޑައެޅިފައިވާ އެކައުންޓަކަށް އަނބުރާ ދައްކަން ފަށަންވާނެއެވެ. ޕްރޮގްރާމް ނިމޭ ތާރީހު ކަމުގައި ބަލާނީ، ތައުލީމު ހާސިލުކުރާ މަރުކަޒުން ދޫކޮށްފައިވާ ލިޔުމުގައިވާ ތާރީހެވެ.

(ށ) ލޯނުގެގޮތުގައި ދޫކުރެވިފައިވާ ޖުމުލަ ފައިސާ )ޓޮޕްއަޕް ލޯނުގެ ފައިސާއާއި، ކުރިން ލޯނުގެ ގޮތުގައި ނެގި ފައިސާއާއި، ލޯނު ދޫކުރުމަށް ދިން ހިދުމަތުގެ އެޑްމިނިސްޓްރޭޓިވް ޗާޖުގެ ގޮތުގައި ލޯނުގެ ޖުމުލަ ފައިސާގެ %1 (އެކެއް އިންސައްތަ) އަށްވާ މިންވަރު، ޕްރޮގްރާމް ނިމޭ ތާރީހުން ފެށިގެން، ލަސްވެގެން 7 (ހަތެއް) ވަނަ މަހުން ފެށިގެން، ކަނޑައެޅިފައިވާ އެކައުންޓަކަށް އަނބުރާ ދައްކަން ފަށަންވާނެއެވެ. ޕްރޮގްރާމް ނިމޭ ތާރީހު ކަމުގައި ބަލާނީ، ތައުލީމު ހާސިލުކުރާ މަރުކަޒުން ދޫކޮށްފައިވާ ލިޔުމުގައިވާ ތާރީހެވެ.

(ނ) ލޯނު ނަގާ ފަރާތާއެކު ވެވޭ "މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ އެއްބަސްވުން" އާ އެއްގޮތަށް ލޯނުގެ ޖުމުލަ ފައިސާ އަނބުރާ ދައްކަމުން ގެންދަންވާނެއެވެ. ލޯނު އަދާކުރަންޖެހޭ ފަރާތް ރާއްޖެއިން ބޭރަށް ދިޔަނަމަވެސް، ލޯނު އަދާކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެކަން މިނިސްޓްރީއަށް އަންގައިފައި އޮންނަންވާނެވެ.

(ރ) ލޯނު ނެގި ފަރާތުން އެއްވެސް ސަބަބަކާ ހުރެ ފައިސާ ނުދައްކައިފިނަމަ، އެ ފައިސާ ދައްކަންވާނީ،އެ މަސްއޫލިއްޔަތު އުފުލުމަށް އެއްބަސްވެ، ލޯނުގެ އެއްބަސްވުމުގައި ސޮއިކުރި ގެރެންޓަރެވެ.

(ބ) ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު ކަނޑައަޅާނީ، ލޯނުގެ ގޮތުގައި ނަގާ ފައިސާގެ ޖުމުލަ އަދަދުގެ މައްޗަށް ބިނާކޮށެވެ. ލޯނު އަދާކުރުމަށް ކަނޑައަޅައިފައިވާ މުއްދަތުގައި ލޯނު އަނބުރާ ދައްކަންވާނެއެވެ.

(ޅ) ލޯނުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ލޯނު ފައިސާ އަނބުރާ އަދާކޮށް ނިމުމާ ދެމެދު ލޯނު އަދާކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ އެއްވެސް ފަރާތަކާ ގުޅޭނެ މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެކަން ލިޔުމުން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ކ) ލޯނު ފައިސާ އަދާކުރަމުން ނުދާނަމަ، ލޯނު ނެގި ފަރާތާއެކު ވެވޭ "މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ އެއްބަސްވުން" ގައިވާ ގޮތަށް ނުވަތަ ށަރުއީ ކޯޓެއް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

17 ވަނަ މާއްދާ - ލޯނު ދޫކުރުމުގައި އަމަލުކުރެވޭނެ އާންމު އުސޫލުތައް

(ހ) ނޭށެނަލް ޓްރެއިނިންގ ނީޑްސް ލިސްޓުގެ ތެރެއިން އެއްވެސް ދާއިރާއަކަށް ލޯނު ދޭނެ ފުރުސަތުގެ އަދަދު ވަކިން ކަނޑައަޅައި އިއުލާނުކޮށްފިނަމަ، އެފަދަ ދާއިރާއަކުން ލޯނު ހޯދުމަށް އެދެންވާނީ، އެ ދާއިރާއަކަށް ކަނޑައެޅިފައިވާ ފުރުސަތުތަކަށެވެ.

(ށ) ހުޅުވައިލައިފައިވާ ސްލޮޓަކަށް ކަނޑައަޅައިފައިވާ އަދަދަށް ޖާގަ ހަމަނުވާނަމަ، އެ ސްލޮޓްތަކަށް ޖާގަ ފުރާނީ، މިނިސްޓްރީން އެކުލަވައިލައިފައިވާ ޕޮއިންޓް ދިނުމުގައި އަމަލުކުރާނެ އުސޫލާއި، ސްލޮޓްތަކަށް ޖާގަ ފުރުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ނ) ޕޮއިންޓް ދިނުމުގައި އަމަލުކުރާނެ އުސޫލާއި، ސްލޮޓްތަކަށް ޖާގަ ފުރުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ފަދައިން ރާއްޖެއިން ބޭރުގައި މިހާރު ކިޔަވަމުންދާ ފަރާތްތަކަށް ލޯނު ދިނުމުގައި އިސްކަންދެވޭނީ، ޕްރޮގްރާމް ނިންމުމަށް އެންމެ ކުރު މުއްދަތެއް އޮތް ފަރާތްތަކަށެވެ. މި ކެޓެގަރީން ނޮމިނޭޓްކުރާ ފަރާތްތަކަށް، މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ލޯނުން ފައިސާ ދޫކުރާނީ، ލޯނަށް އިއުލާނުކުރާ ތާރީހުން ފެށިގެން ޕްރޮގްރާމުގެ ބާކީ މުއްދަތަށް ކުރަންޖެހޭ ހަރަދުތަކަށެވެ.

(ރ) ލޯނަށް ހޮވޭ ފަރާތްތަކުގެ ވަގުތީ ނަތީޖާ އާންމު ކުރާނެއެވެ. މި ނަތީޖާއާ ގުޅޭ އެއްވެސް ށަކުވާއެއް އޮތްނަމަ، ވަގުތީ ނަތީޖާ އިއުލާނުކުރާ ތާރީހުން ފެށިގެން ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. ށަކުވާ ހުށަހެޅުމަށް ލިބޭ މުއްދަތުގައި އެޕްލިކޭށަނަށް އެއްވެސް އުނި އިތުރެއް ނުގެނެވޭނެއެވެ. ށަކުވާ ހުށަހަޅާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން މަސައްކަތު 10 (ދިހައެއް) ދުވަހުގެ ތެރޭގައި ލޯނަށް ހޮވޭ ފަރާތްތަކުގެ ދާއިމީ ނަތީޖާ އިއުލާނު ކުރާނެއެވެ.

(ބ) މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު ލިބޭ ފަރާތްތަކާ ގުޅޭގޮތުން މިނިސްޓްރީން އަމަލުކުރާ އެންމެހައި އުސޫލުތައް، މި އުސޫލާ ފުށުނާރާނޭހެން، ލޯނަށް ހޮވޭ ފަރާތްތަކުގެ މައްޗަށް ވެސް ހިނގާނެއެވެ.

(ޅ) ތައުލީމު ހާސިލުކުރަމުންދާ މަރުކަޒުން އެއްވެސް ސަބަބަކާހުރެ ދަރިވަރު ވަކިކޮށްފިނަމަ، ނުވަތަ މަރުކަޒުން ޕްރޮގްރާމް ހުއްޓައިލައިފިނަމަ، ނުވަތަ ދަރިވަރު އަމިއްލަ އިހްތިޔާރުގައި ކިޔެވުން ހުއްޓައިލައިފިނަމަ، ނުވަތަ ޕްރޮގްރާމުން ފެއިލްވެއްޖެނަމަ، އެކަން 14 (ސާދަ) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އަންގަންވާނެއެވެ. އަދި އެހައިތަނަށް އެ ފަރާތަކަށް ކޮށްފައިވާ ޖުމުލަ ހަރަދު، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އަނބުރާ އަދާކުރަންވާނެއެވެ.

(ކ) ޕްރޮގްރާމް ފުރިހަމަކުރަމުންދާ ދުވަސްވަރު، އިސްލާމްދީނަށާއި ދިވެހި ދައުލަތުގެ އަމުރުތަކަށް ކިޔަމަންތެރިކަން އަދާކުރަންވާނެއެވެ. އަދި އެ ފަރާތެއްގެ ކިޔެވުން އޮންނަ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.

(އ) މި އުސޫލުގެ ތެރެއިން ލޯނަށް އެދި ނުވަތަ ލޯނުގެ އެކްސްޓެންށަނަށް އެދި ހުށަހަޅާ ލިޔެކިޔުމެއްގައި ނާޖާއިޒު ފައިދާއެއް ލިބޭފަދަ ގޮތަކަށް ސައްހަނޫން މައުލޫމާތު ހިމަ ނައިފައިވާކަން ނުވަތަ މައުލޫމާތު ފުރިހަމަނުކޮށް އެޕްލިކޭށަން ހުށަހެޅިކަން މިނިސްޓްރީއަށް އެނގޭ ހިސާބުން، އެޕްލިކޭށަން ބާތިލުވާނެއެވެ. އެކަން އެނގުނީ ލޯނު ލިބޭކަމުގެ ލިޔުން ދޫކުރި ފަހުން ކަމުގައި ވިޔަސް، ނުވަތަ ލޯނު ނަގައިފައިވާ ފަރާތް ކިޔަވަން ފެށިފަހުން ކަމުގައި ވިޔަސް، އެ ފަރާތެއްގެ އެޕްލިކޭށަންނާއި އެ ފަރާތަކަށް ދޫކޮށްފައިވާ ލޯނު ބާތިލުވާނެއެވެ. މި ހާލަތުގައި ލޯނުގެ ގޮތުގައި ނުވަތަ ޓޮޕްއަޕް ލޯނުގެ ގޮތުގައި އެއްވެސް ފައިސާއެއް ދޫކޮށްފައިވާނަމަ، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އެ ފައިސާއެއް އަނބުރާ ދައްކަންވާނެއެވެ.

(ވ) ލޯނަށް އެދި ނުވަތަ ލޯނު އެކްސްޓެންށަނަށް އެދި ހުށަހަޅާ ލިޔެކިޔުމެއްގައި ހަގީގަތާ ހިލާފު މައުލޫމާތެއް ދީފައިވާކަމަށް ނުވަތަ ނާޖާއިޒު ފައިދާއެއް ލިބޭފަދަ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އެ ކަމެއް ތަހުގީގު ކުރުމަށް، ކަމާ ގުޅޭ ފަރާތްތަކަށް ހުށަހަޅައި، ށަރުއީ ކޯޓުތައް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެއެވެ.

(މ) މި އުސޫލުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއް ނިންމާނީ މިނިސްޓްރީންނެވެ.

 

18 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހު

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 2021-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު