-

ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު ހިންގުމާބެހޭ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-45)

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު ހިންގުމާއި، އެ ބޯޑުގެ ޖަލްސާތައް ބޭއްވުމާއި، އެ ބޯޑުގެ ނިންމުންތަކާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ޓަކައި، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ކ) ގެ ދަށުން ބާރުލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު ހިންގުމާ ބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު ހިންގުމާއި، އެ ބޯޑުގެ ޖަލްސާތައް ބޭއްވުމާއި، އެ ބޯޑުގެ ނިންމުންތަކާ ގުޅޭ އެންމެހައި އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެ ވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައި މިވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، "މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ" އަށެވެ.

(ށ) "ބޯޑު" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑަށެވެ.

(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

 

4 ވަނަ މާއްދާ - ބޯޑުގެ މެންބަރުން

މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު އެކުލެވިގެންވަނީ، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ (9) ވަނަ މާއްދާ ގެ (ށ) ގައިވާ ފަދައިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ، އަންނަނިވި 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ.

(ހ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ؛

(ށ) މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ 1 (އެކެއް) މެންބަރު؛

(ނ) މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގެ މާހިރުންގެ ތެރެއިން އައްޔަނުކުރާ 2 (ދޭއް) މެންބަރުން؛

(ރ) ދިވެހިރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކުގެ ވައިސް ޗާންސެލަރުންގެ ތެރެއިން އައްޔަނުކުރާ 1 (އެކެއް) މެންބަރު؛

(ބ) ޓެކްނިކަލް އެންޑް ވޮކޭށަނަލް ދާއިރާއިން އައްޔަނުކުރާ 1 (އެކެއް) މެންބަރު؛

(ޅ) ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމު ފޯރުކޮށްދޭ އަމިއްލަ ކޮލެޖްތަކުގެ ހިންގުމުގެ ދާއިރާއިން އައްޔަނުކުރާ 1 (އެކެއް) މެންބަރު.

 

5 ވަނަ މާއްދާ - ބޯޑުގެ ރިޔާސަތު

(ހ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

(ށ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ރިޔާސަތު ބަލަހައްޓާ ފަރާތުގެ ޒިންމާތަކަކީ، އެ ބޯޑުގެ މަސައްކަތްތައް ރާވައި ހިންގުމާއި،އެ ބޯޑުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމެވެ.

(ނ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ރިޔާސަތު ބަލަހައްޓާ ފަރާތުގެ ހައިސިއްޔަތުން އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ކުރަންޖެހޭ ކަމެއް ކުރުމަށް އޭނާ އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެކަން ކުރުމަށް ބޯޑުގެ މެންބަރުންގެ ތެރެއިން މީހަކާ، ޗީފް އެގްޒެކެޓިވް އޮފިސަރ ހަވާލުކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ބޯޑުގެ މަސްއޫލިއްޔަތުތައް

މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ބޯޑުގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ މަގުސަދު ހާސިލުކުރުމަށާއި، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބޭނުންވާ ލަފާދިނުން.

(ށ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ފާސްކުރުން.

(ނ) ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގައި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ މޭންޑޭޓުގެ ގޮތުގައި ހިމެނިފައިވާ ހުރިހާ ކަމެއް ކުރުމަށް ޓަކައި ޗެއަރޕާސަން ހުށަހަޅާ ކަންތައްތަކާ މެދު މަށްވަރާކޮށް، ބޭނުންވާ ގަވާއިދުތަކާއި ގައިޑްލައިންތަކާއި މެނުއަލްތައް ފާސްކުރުން.

 

7 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތައް

(ހ) ބޯޑުގެ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމުތައް ހަމަޖައްސާނީ، ޗެއަރޕާސަންގެ އިރުށާދާ އެއްގޮތަށް، އޮތޯރިޓީންނެވެ. އަދި ބޯޑުގެ ބައްދަލުވުންތަކަށް އަންގައި، ބޯޑުގެ ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކުރާނީ، ޗެއަރޕާސަންގެ އިރުށާދާ އެއްގޮތަށް ސެކްރެޓޭރިއެޓުންނެވެ.

(ށ) ބޯޑުގެ ބައްދަލުވުމެއް، އާންމުގޮތެއްގައި ދެ ހަފުތާއިން އެއްފަހަރު، އަދި މަދުވެގެން މަހަކު އެއްފަހަރު ބާއްވަންވާނެއެވެ.

(ނ) ބޯޑުގެ އެއްވެސް ބައްދަލުވުމެއް ބޭއްވޭނީ، ބޯޑުގެ ޖުމުލަ 7 (ހަތެއް) މެންބަރުންގެ ތެރެއިން މަދުވެގެން 4 (ހަތަރެއް) މެންބަރުން ހާޒިރުވެގެންނެވެ.

(ރ) ބޯޑުގެ ބައްދަލުވުންތަކުގައި ކުރާ މަށްވަރާއަކާ ގުޅޭގޮތުން މައުލޫމާތު ހޯދުމުގެ ބޭނުމުގައި، އިތުރު ފަރާތްތަކަށް ބައްދަލުވުންތަކުގައި ބައިވެރިވުމަށް ދައުވަތު ދިނުމުގެ އިހްތިޔާރު، ޗެއަރޕާސަންއަށް ލިބިގެންވެއެވެ.

(ބ) ބޯޑުގެ މެންބަރަކު ބައްދަލުވުމެއް އެޖެންޑާ ކުރުމަށް އެދޭނަމަ، އެ ކަމެއް ބައްދަލުވުމުގެ 4 (ހަތަރެއް) ދުވަހުގެ ކުރިން، ރިޔާސަތަށް އެޑްރެސްކޮށް އޮތޯރިޓީއަށް ލިޔުމަކުން (ސިޓީއަކުން، ނުވަތަ ނޯޓަކުން ނުވަތަ އީމެއިލަކުން) ހުށަހަޅަންވާނެއެވެ.

(ޅ) ބޯޑުގެ ކުރީގެ ބައްދަލުވުމަކުން ވަކި ކަމެއް އެޖެންޑާކުރަން ނިންމައިފިނަމަ،ދެން އަންނަ ބައްދަލުވުމެއްގައި، އެ ކަމެއް ރިޔާސަތުން އެޖެންޑާ ކުރަންވާނެއެވެ.

(ކ) އާދަޔާ ހިލާފު ހާލަތެއް މެދުވެރިވެގެން މެނުވީ، ބައްދަލުވުމުގެ ކުރިޔަށް 3 (ތިނެއް) ދުވަހުގެ ނޯޓިހެއް ދޭންވާނެއެވެ. ނަމަވެސް ކުއްލި ހާލަތެއް މެދުވެރިވެގެން ބައްދަލުވުމަކަށް އެންގުމުގެ އިހްތިޔާރު، ޗެއަ ރޕާސަންއަށް ލިބިގެންވެއެވެ. ކޮންމެ ހާލަތެއްގައި ވެސް ޖަލްސާއަށް އަންގާ އެންގުންތައް ލިޔެކިޔުންތަކުން ބަލަހައްޓަންވާނެއެވެ.

(އ) ބައްދަލުވުމަކަށް އަންގާއިރު، އެޖެންޑާއާއި، އެޖެންޑާގައި ހިމެނޭ ކަންކަމާ ބެހޭ ލިޔުންތައް، ބޯޑުގެ މެންބަރުންނަށް ފޮނުވަންވާނެއެވެ.

 

8 ވަނަ މާއްދާ - ބޯޑުގެ ސެކްރެޓޭރިއެޓް

ބޯޑުގެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ އޮތޯރިޓީންނެވެ. މިގޮތުން، ސެކްރެޓޭރިއެޓް ބަލަހައްޓާނީ، ޗެއަރޕާސަން ކަނޑައަޅާ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ މުވައްޒަފެއް ނުވަތަ މުވައްޒަފުންތަކެކެވެ.

 

9 ވަނަ މާއްދާ - ޔައުމިއްޔާއާއި ރިކޯޑު ބެލެހެއްޓުން

(ހ) ބޯޑުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ސްކެރެޓޭރިއެޓުން ލިޔެ ބަލަހައްޓަންވާނެއެވެ. އަދި ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ، ޖެހިގެން އޮންނަ ބައްދަލުވުމެއްގެ 24 (ސައުވީސް) ގަޑިއިރުގެ ކުރިން މެންބަރުންގެ ކޮމެންޓަށް ފޮނުވަންވާނެއެވެ. މެންބަރަކު އިސްލާހެއް ހުށަހަޅައިފި ނަމަ، އެ އިސްލާހެއް، ބޯޑުގެ މެންބަރުންނަށް، ޔައުމިއްޔާ ފާސްކުރުމުގެ ކުރިން އަންގަވަންވާނެއެވެ.

(ށ) ކޮންމެ ބައްދަލުވުމެއްގައި، އޭގެ ކުރީ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ބޯޑުގެ ނިންމުންތައް

(ހ) ބޯޑަށް ހުށަހެޅޭ ހުށަހެޅުންތައް ނިންމާނީ، ބައްދަލުވުމަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

(ށ) ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ބޯޑުގައި ކުރި މަށްވަރާގެ ހުލާސާއާއި، ބޯޑުން ނިންމާ ނިންމުން ސާފުކޮށް އެނގޭނޭ ގޮތަށް ސެކްރެޓޭރިއެޓުން ލިޔެ ޔައުމިއްޔާ ކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - މާލީ އިނާޔަތްތައް

ބޯޑުގެ މެންބަރުން ހާޒިރުވާ ޖަލްސާތަކަށް ދޭ އެލަވަންސް ކަނޑައަޅާނީ، މިނިސްޓަރުގެ ލަފާގެ މަތީން، ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރު ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

 

12 ވަނަ މާއްދާ - ބޯޑުގެ މެންބަރުކަމުން ވަކިކުރުމާއި ވަކިވުން

ބޯޑުގެ މެންބަރުކަމުން ވަކިކުރެވޭނީ އަދި ވަކިވެވޭނީ، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) ގައިވާ ގޮތުގެ މަތީންނެވެ.

 

13 ވަނަ މާއްދާ - މި ގަވާއިދު އިސްލާހުކުރުން

މި ގަވާއިދު އިސްލާހުކުރާނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުންނެވެ.

 

14 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު  ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު ހިންގުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-45)

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 2021-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު