-

މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ ސްކޮލަރށިޕްގެ އުސޫލު

(އުސޫލު ނަންބަރު 2024-45)

(މި އުސޫލަށް އަމަލުކުރަން ފެށީ 18 ޑިސެމްބަރު 2024 ގައި)

(މި އުސޫލުގެ 20 ވަނަ މާއްދާއިން ވަނީ  "އުސޫލު ނަންބަރު 2019-10 އުވާލެވިފައި)


1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި އުސޫލަކީ ދިވެހިރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުގެ ދަރިވަރުން ބައިވެރިވާ މަތީ ސާނަވީ އިމްތިހާނުތަކުން އެއްވަނަ ދަރަޖައިގައި ފާސްވެފައިވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ ސްކޮލަރށިޕް ސްކީމާ ގުޅޭ ކަންކަން ބަޔާންކުރުމުގެ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ "މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ ސްކޮލަރށިޕްގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، މަތީ ސާނަވީ މަރުހަލާގައި ކިޔަވާ ދަރިވަރުން ކިޔެވުމަށް ހިތްވަރުއެޅުމާއި ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރުދިނުމަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާ ދޭ ސްކޮލަރށިޕް ދިނުމުގެ ކަންކަން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ކުރިޔަށް ގެންދިއުމަށް ޓަކައި، އެކަމާ ގުޅޭ އެންމެހައި އިޖުރާތުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ސްކޮލަރށިޕް ލިބުމުގެ ށަރުތު

މި އުސޫލުގެ ދަށުން ސްކޮލަރށިޕް ދޭނީ، މަތީ ސާނަވީ އިމްތިހާނުތަކުން އެއްވަނަ ދަރަޖައިގައި ފާސްވެފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭށަނުން ކަނޑައަޅައިފައިވާ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

(ހ) ދިވެހިރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުން މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން، ސްކޫލްތަކާއި މަދަރުސާތަކުގައި ދަރިވަރަށް ކިޔަވައިދެވިފައިވާ އޭލެވެލްގެ ނުވަތަ އޭލެވެލްއާ އެއްފެންވަރުގެ 3 (ތިނެއް) މާއްދާއިންނާއި، އެޗްއެސްސީގެ "ދިވެހި" "އިސްލާމް" މި ދެ މާއްދާއިން "އޭ*" ހާސިލުކުރުން، ނުވަތަ

(ށ) ދިވެހިރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުން ށަހާދާ ޘާނަވިއްޔާ ސަނަދުން ހުރިހާ މާއްދާއެއްގެ ފައިނަލް އެވްރެޖުގައި "އޭ*" ފާހެއް ލިބިފައިވުން. މީގެ އިތުރުން، އެޗްއެސްސީގެ "ދިވެހި" މި މާއްދާއިން "އޭ*" ފާސް ހާސިލުކުރުން ނުވަތަ އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއިން ށަހާދާ ޘާނަވިއްޔާއިން 1 ވަނަ ހާސިލުކުރުން.

(ނ) އޯލެވެލް ނުވަތަ އޯލެވެލްއާ އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ އިމްތިހާނަކުން "އިނގިރޭސި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

 

4 ވަނަ މާއްދާ - ސްކޮލަރށިޕްގެ ދަރަޖައާއި މުއްދަތު

ސްކޮލަރށިޕްގެ ދަށުން ފުރުސަތު ދޭނީ، ތިރީގައި ބަޔާންކޮށްފައިވާ ޕްރޮގްރާމުތަކުގައި ފުލްޓައިމްކޮށް ކިޔެވުމަށެވެ.

(ހ) 3 (ތިނެއް) އަހަރު ނުވަތަ 4 (ހަތަރެއް) އަހަރުގެ މުއްދަތުގެ ތެރޭގައި ފުރިހަމަކުރާ ބެޗްލަރސް ޑިގްރީ ޕުރޮގުރާމުތައް.

(ށ) ކިޔެވުމާއި އިންޓަރންށިޕް ހިމެނޭ ގޮތަށް ޖުމުލަ 6 (ހައެއް) އަހަރަށްވުރެ ދިގުނުވާގޮތަށް ހިންގާ، "ބެޗްލަރ އޮފް މެޑިސިން" އާއި، "ބެޗްލަރ އޮފް ސާރޖަރީ (އެމް.ބީ.ބީ.އެސް.)" އާއި، "ބެޗްލަރ އޮފް ޑެންޓަލް ސާރޖަރީ (ބީ.ޑީ.އެސް.)" ގެ ޕުރޮގުރާމުތައް.

(ނ) 3 (ތިނެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ހިންގާ ޕްރޮފެށަނަލް ލައިސެންސް ޕުރޮގުރާމުތައް. 

(ރ) ފުރަތަމަ ޑިގްރީއަކާ ނުލައި ސީދާ އެންޓްރީ ލިބޭ 4 (ހަތަރެއް) އަހަރަށްވުރެ ދިގުނޫނ،ް މާސްޓަރސް ޑިގްރީ ޕުރޮގުރާމުތައް.

5 ވަނަ މާއްދާ - ސްކޮލަރށިޕްގައި ކިޔަވާނެ ގައުމު

ގައުމެއްކަމުގައި ދިވެހިރާއްޖެއިން ގަބޫލުކުރާ ކޮންމެ ގައުމެއްގައި ކިޔެވުމުގެ ފުރުސަތ،ު ސްކޮލަރށިޕްގެ ދަށުން ދެވޭނެއެވ.ެ 

 

6 ވަނަ މާއްދާ - ސްކޮލަރށިޕްގައިކިޔަވާނެ ދާއިރާ

މި އުސޫލުގެ ދަށުން ދަރިވަރުން ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ދެވޭނެއެވ.ެ 

 

7 ވަނަ މާއްދާ - ސްކޮލަރށިޕްގައި ކިޔަވާ ޕުރޮގުރާމު ބަދަލުކުރުން

ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުނ،ް ސްކޮލަރށިޕް ލިބޭ ދަރިވަރު މިނިސްޓްރީއަށް ހުށަހެޅުމަށްފަހު، ފުރިހަމަކުރަން އެދޭ ޕުރޮގުރާމު ބަދަލުކުރެވޭނ،ީ އަންނަނިވި 3 (ތިނެއް) ހާލަތުގެ ތެރެއިން ހާލަތެއްގައެވ.ެ

(ހ) ޕުރޮގުރާމު ބަދަލުކުރަން އެދޭއިރު، ކުރިން ހުށަހެޅި ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ، މަތީ ތައުލީމު ދޭ މުއައްސަސާއަށް އެއްވެސް ޕޭމަންޓެއް ހަދައިފައި ނެތުނ.ް

(ށ) ޕުރޮގުރާމު ބަދަލުކުރަން އެދޭއިރު، ކުރިން ހުށަހެޅި ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ، މަތީ ތައުލީމު ދޭ މުއައްސަސާއަށް ޕޭމަންޓެއް ހަދައިފައިވަނިކޮށް ޕުރޮގްރާމު ބަދަލުކުރަން އެދޭ ނަމ،ަ ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވުން ނުވަތަ މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުކަމުގައި ވުނ.ް

  1. ބަދަލުކުރަން އެދި ހުށަހެޅ،ީ ކިޔަވަން ފެށި ޕުރޮގުރާމުގެ ފުރަތަމަ ސެމެސްޓަރ ނިމުމުގެ ކުރިންކަމުގައި ވުން؛
  2. ދޫކޮށްލާ ޕުރޮގުރާމު ފުރިހަމަކުރުމަށް ދަރިވަރުގެ ނަމުގައި އެހައިތަނަށް ކޮށްފައިވާ ހަރަދުތަކަކ،ީ ބަދަލުވާ ޕުރޮގުރާމަށް ހިނގާ ޖުމުލަ ހަރަދުން އުނިކުރެވޭނެ އެއްޗެއްކަމަށް އެއްބަސްވުން؛
  3. ޕްރޮގުރާމު ބަދަލުކުރަންޖެހޭ ސަބަބު، އެކަން ކުރުން މުހިންމުކަމަށް ބާރުދޭ، ކަމާ ގުޅުންހުރި ރަސްމީ ފަރާތްތަކުގެ ލިޔުންތަކާއެކު ހުށަހަޅައިފައި އޮތުން؛
  4. ޕްރޮގުރާމު ބަދަލުވީނަމަވެސް، އެ ސްކޮލަރށިޕްގެ އުސޫލުގެ އެހެން އެއްވެސް މާއްދާއަކާ ތައާރުޒުވުމެއް ނެތުން؛
  5. ޕްރޮގުރާމު ބަދަލުކުރާ ފުރަތަމަ ފަހަރު ކަމުގައި ވުން؛
  6. ދޫކޮށްލާ ޕްރޮގުރާމު ފުރިހަމަކުރުމަށް ހިނގާނެ ހަރަދަށްވުރެ، ޖުމުލަ ހަރަދު ބޮޑުނުވާނެ ޕްރޮގުރާމަކަށް ބަދަލުވާން އެދުން؛

(ނ) ބަދަލުވާން އެދޭ ޕްރޮގުރާމަކީ ފުރަތަމަ ޑިގްރީއަކާ ނުލައި ސީދާ އެންޓްރީ ލިބޭ 4 (ހަތަރެއް) އަހަރަށްވުރެ ދިގުނޫން މާސްޓަރސް ޑިގްރީ ޕްރޮގުރާމެއް ކަމަށް ވުން، އެ ހާލަތުގައި ތިރީގައިވާ ކަންކަން ފުރިހަމަވުން؛

  1. ސްކޮލަރށިޕްގެ ޖުމުލަ މުއްދަތުކަމުގައި ބަލާނީ 4 (ހަތަރެއް) އަހަރު ދުވަސްކަމަށާއި، ބަދަލުވުމުން ދެން ސްކޮލަރށިޕުން ހަރަދުކުރާނީ ބަދަލުވިއިރު އެ މުއްދަތުން ބާކީ އޮންނަ ދުވަސްތަކަށްކަމަށް އެއްބަސްވުން؛
  2. ބަދަލުކުރާން އެދެނީ، ދަރިވަރެއް ކަމުގައި ވުން؛ އުސޫލަށް އަމަލުކުރަން ފެށިއިރު، ކިޔަވަމުންދާ
  3. ޕްރޮގުރާމު ބަދަލުކުރާ ފުރަތަމަ ފަހަރު ކަމުގައި ވުން؛
  4. ޕްރޮގުރާމު ބަދަލުވީނަމަވެސް ސްކޮލަރށިޕްގެ އުސޫލުގެ އެހެން އެއްވެސް މާއްދާއަކާ ތައާރުޒުވުމެއް ނެތުން؛

 

8 ވަނަ މާއްދާ - ޓްވިނިންގ ޕްރޮގުރާމު

ސްކޮލަރށިޕްގެ ދަށުން ޓްވިނިންގ ޕްރޮގުރާމުތަކުގައި ކިޔެވުމަށް ފުރުސަތު ދެވިދާނެއެވެ. އެގޮތަށް ފުރުސަތު ދެވޭނީ، ދަރިވަރު ކިޔަވަން އިހްތިޔާރުކުރާ ދެ ގައުމުގެ ތެރެއިން ހަރަދު ބޮޑު ގައުމުގައި އެކަނި އެ ޕްރޮގުރާމު ފުރިހަމަކުރުމަށް ހިނގާ ހަރަދަށްވުރެ ޓްވިނިންގ ޕްރޮގުރާމުގެ ޖުމުލަ ހަރަދު ބޮޑުނޫންނަމައެވެ.

 

9 ވަނަ މާއްދާ - ސްކޮލަރށިޕަށް ދަރިވަރުން ހޮވުމުގައި އަމަލުކުރާނެ ގޮތް

ސްކޮލަރށިޕަށް ދަރިވަރުން ހޮވުމުގައި އަމަލުކުރާނެ ގޮތް ތިރީގައި މިވަނީއެވެ.
(ހ) މަތީސާނަވީ އިމްތިހާނުތައް ނިމި، ކޮންމެ އަހަރަކު ނަތީޖާ ލިބުމުން، ށަރުތު ހަމަވާ ދަރިވަރުން މި ސްކޮލަރށިޕަށް ކުރިމަތިލުމަށް އެދި މިނިސްޓްރީން އާންމުކޮށް އިއުލާނުކުރާނެއެވެ.

(ށ) ސްކޮލަރށިޕަށް ހޮވޭ ދަރިވަރުންނަށް ސްކޮލަރށިޕް ލިބުނުކަމުގެ ލިޔުން ހަވާލުކުރެވޭނެއެވެ.

 

10 ވަނަ މާއްދާ - ސްކޮލަރށިޕް ދިނުމުގައި އަމަލުކުރާނެ

(ހ) ސްކޮލަރށިޕް ލިބުނުކަމުގެ ލިޔުން ހަވާލުކުރާ ދުވަހުން ފެށިގެން 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި، ސްކޮލަރށިޕް ލިބޭ ދަރިވަރުން، ސްކޮލަރށިޕް ނުވަތަ ފެލޯށިޕް ނުވަތަ ޓްރޭނިންގ ކޯހަށް ދާ ފަރާތްތައް ހިދުމަތްކުރުމަށް ވެވޭ "އިގުރާރ" ގައި ސޮއިކުރުމަށްފަހު ކިޔަވަން ފަށަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ކިޔަވަން ނުފެށޭ ފަދަ މަގްބޫލު އުޒުރެއް މެދުވެރިވެއްޖެ ހިނދެއްގައި އެކަން، ލިޔުމަކުން، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހެޅޭ އުޒުރުގެ ސައްހަކަން ސާބިތުކޮށްދިނުމުގެ ގޮތުން ކަމާގުޅޭ ހެކި، ލިޔުމުން ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ހެކީގެ ސައްހަކަން ކަނޑައަޅާނީ މިނިސްޓްރީންނެވެ.

(ށ) ސްކޮލަރށިޕް ލިބޭ ދަރިވަރުން، ފުރިހަމަކުރުމަށް އެދޭ ކޯހުގެ ޕްލޭސްމަންޓް ހޯދުމުގެ މަސައްކަތް ކުރަންޖެހޭނީ ދަރިވަރުންނެވެ.

(ނ) ސްކޮލަރށިޕްގެ ދަށުން ފުރުސަތު ލިބޭ ދަރިވަރުން، ހުށަހަޅާ ޕްލޭސްމަންޓްތަކަކީ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއާއި ދިވެހިރާއްޖޭގައި ގާއިމުވެފައިވާ އެހެނިހެން ޕްރޮފެށަނަލް ކައުންސިލުތަކާއި، އޮތޯރިޓީތަކުން ގަބޫލުކުރާ ފެންވަރުގެ ކޯހެއްތޯއާއި ތައުލީމުދޭ މުއައްސަސާއަކީ ގަބޫލުކުރާ ތަނެއްތޯއާއި، ދަރިވަރު އެ ކޯހެއްގައި ބައިވެރިވެ ކިޔެވުމަށް ފުރިހަމަކުރަންޖެހޭ ށަރުތުތައް ފުރިހަމަވޭތޯ ބެލުމަކީ ދަރިވަރުގެ ޒިންމާއެކެވެ.

(ރ)

  1. ފުރަތަމަ ޑިގްރީ ލިބުމަށް، ނުވަތަ އެ ޑިގްރީގައި ކިޔެވި އެއްޗެއް ދިވެހިރާއްޖޭގައި ޕްރެކްޓިސްކުރުމަށް އިންޓަރންށިޕް ފުރިހަމަކުރަންވާނީ 1 (އެއް) އަހަރުދުވަހުންނެވެ. ދިވެހިރާއްޖޭގައި ނުވަތަ ޕްރޮގްރާމު ފުރިހަމަކުރި ގައުމުގައި އިންޓަރންށިޕް ފުރިހަމަކުރެވެން ނެތް ނަމަ ނުވަތަ ދަރިވަރު އެމްބީބީއެސް ކިޔެވި ގައުމަށްވުރެ އަގުހެޔޮކޮށް އެހެން ގައުމެއްގައި އިންޓަރންށިޕް ފުރިހަމަކުރަން ބޭނުންވާ ނަމަ، އެ ގައުމުގައި އިންޓަރންށިޕް ފުރިހަމަކުރުމަށް ފުރުސަތު ދެވިދާނެއެވެ.
  2. މި މާއްދާގެ (ރ) ގެ (i) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އެމް.ބީ.ބީ.އެސްއާއި، ބީ.ޑީ.އެސް ފިޔަވައި، އެހެނިހެން ކޯސްތަކުގައި ކޯހުގެ ބޭރުން ނުވަތަ ކޯސް ނިމިގެން އިންޓަރންށިޕެއް ފުރިހަމަކުރަންޖެހޭ ނަމަ އެކަމަށް ހުއްދަދެވޭނީ، އިންޓަރންށިޕް ކޮންމެހެން ފުރިހަމަކުރަންޖެހޭ ކޯސްތައް ފުރިހަމަކުރާ ދަރިވަރުންނަށެވެ. އެމްބީބީއެސްއާއި ބީ.ޑީ.އެސް ނޫން އެހެން ކޯހެއް ނަމަ، ޕްލޭސްމަންޓް ހޯދުމުގެ ކުރިން އިންޓަރންށިޕް ފުރިހަމަކުރަންޖެހޭތޯ ބަލައި ޕްލޭސްމަންޓް ގަބޫލުކުރުމުގެ ކުރިން މިނިސްޓްރީއަށް ލިޔުމުން ހުށަހަޅައި، ހުއްދަ ހޯދަންވާނެއެވެ.

(ބ) އިންޓަރންށިޕް ފުރިހަމަކުރަން ހުއްދަ ދެވިފައިވާ ކޯސްތަކުގެ އިންޓަރންށިޕްގެ މުއްދަތުގައި ފައިސާ ދިނުމާމެދު ނުވަތަ ދެވޭނެ އަދަދާމެދު ގޮތެއް ނިންމާނީ އިންޓަރންށިޕް ފުރިހަމަކުރާ ގައުމާއި ހާލަތަށް ބަލައިގެންނެވެ. އަދި އިންޓަރންށިޕް ފުރިހަމަކުރާ މުއްދަތާއި ދަރިވަރަށް ލިބޭ އެލަވަންސް ނުވަތަ މުސާރައެއް އޮތް ނަމަ، އެކަމަކަށް ރިއާޔަތްކުރުމަށްފަހު ގޮތެއް ނިންމާނީ މިނިސްޓްރީންނެވެ. ވީމާ އިންޓަރންށިޕާބެހޭ ތަފުސީލު، އިންޓަރންށިޕްގެ ފުރުސަތު ގަބޫލުކުރުމުގެ ކުރިން މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

(ޅ) ފުރަތަމަ ޑިގްރީ ފުރިހަމަކުރަމުންދާ ދަރިވަރުންގެ ތެރެއިން، ކޯހުގެ ބައެއްގެ ގޮތުގައި ފުރިހަމަކުރަންޖެހޭ އިލެކްޓިވެއް ފުރިހަމަކުރަން ޖެހިއްޖެ ނަމަ އަދި މި ބައި އެ ދަރިވަރަކު ކިޔަވާ ގައުމެއްގައި ފުރިހަމަކުރެވޭ ނަމަ ފުރިހަމަކުރަންޖެހޭނީ އެ ގައުމެއްގައެވެ. ކޯސް ފުރިހަމަކުރަމުންދާ ގައުމުގައި އިލެކްޓިވް ފުރިހަމަ ނުކުރެވޭ ނަމަ، ލިޔުމުން މިނިސްޓްރީއަށް ހުށަހަޅައި، އެހެން ގައުމެއްގައި އިލެކްޓިވް ފުރިހަމަކުރުމުގެ ހުއްދަ ހޯދަންވާނެއެވެ.

(ކ) ސްކޮލަރށިޕްގައި ދާން ބޭނުންވާ ގައުމުގެ ވިސާ ނެގުމަށް ދިވެހިރާއްޖެއިން ބޭރަށް ދާންޖެހޭ ނަމަ، ވިސާ ނެގުމަށް ދަރިވަރު ކުރާ ދަތުރުގެ ހަރަދު ހަމަޖައްސައިދެވޭނީ، އެ ގައުމެއްގައި 3 (ތިނެއް) ދުވަހުގެ މުއްދަތަށް ހުރުމަށް 1 (އެކެއް) ފަހަރުއެވެ. ޓްވިނިންގ ޕްރޮގުރާމެއް ފުރިހަމަކުރުމަށް އެހެން ގައުމަކަށް ކިޔަވަން ދިއުމަށް ހުއްދަދެވޭ ދަރިވަރުންނަށް އިތުރު ގައުމަކަށް ގޮސްގެން ވިސާ ހޯދުމުގެ ހަރަދު ހަމަޖައްސައިދެވޭނެއެވެ. ކޯހުން ފެއިލްވުމުގެ ސަބަބުން ނުވަތަ މި ނޫން އެހެން ސަބަބަކާހުރެ ވިސާގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާ ދަރިވަރުންނަށް، ވިސާ ހޯދުމުގެ ހަރަދު ހަމަޖައްސައިދޭނީ އެ ދަރިވަރަކަށް ދިމާވި ހާލަތަށް ބަލައި، މަގްބޫލު އުޒުރެއް މެދުވެރިވެފައިވާކަމަށް މިނިސްޓްރީން ކަނޑައަޅާ ދަރިވަރުންނަށް އެކަންޏެވެ.

(އ) ކޯހުގެ ޕްލޭސްމަންޓް ހޯދުމަށް ޓަކައި ޕްރިރިކްއިސިޓް ކޯހެއް ނުވަތަ ފައުންޑޭށަން ކޯހެއް ނުވަތަ ކޯސް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މޮޑިއުލްތަކުގެ ހަރަދު މި ސްކޮލަރށިޕްގެ ދަށުން ދެވޭ ހަރަދުގެ ތެރެޔަކު ނުހިމެނޭނެއެވެ. އަދި ކޯސް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިންޓަވިއުއެއްގައި ބައިވެރިވުމަށް ކުރަންޖެހޭ ހަރަދު ވެސް މި ސްކޮލަރށިޕްގެ ދަށުން ދެވޭ ހަރަދުގެ ތެރެޔަކު ނުހިމެނޭނެއެވެ.

 

11 ވަނަ މާއްދާ - ސްކޮލަރށިޕްގައި ފައިސާ ދެވޭނޭ ގޮތް

(ހ) ސްކޮލަރށިޕް ލިބޭ ދަރިވަރުންނަށް، ސްޓައިޕެންޑް ނުވަތަ ދިރިއުޅުމުގެ ހަރަދަށް ހެ އެކި ގައުމުތަކަށް ފައިސާ ދިނުމަށް ހަމަޖެހިފައިވާ ރޭޓްތަކުގެ ތަފުސީލު، މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ވީމާ ޕްލޭސްމެންޓް ހޯދަން ގައުމާއި މަތީ ތައުލީމުދޭ މުއައްސަސާ ހިޔާރުކޮށް، ޕްލޭސްމަންޓް ހޯދުމުގެ ކުރިން، އެ ތަނަކީ، ކަނޑައެޅިފައިވާ ސްޓައިޕެންޑުން ހަރަދުތައް ފޫބެއްދޭވަރުގެ ތަނެއްކަން ކަށަވަރުކުރުމަށް ދަރިވަރުން ސަމާލުކަން ދޭންވާނެއެވެ. ސްކޮލަރށިޕްގެ ދަށުން ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ހަރަދުތައް ކުރުމަށެވެ.

  1. ދިވެހިރާއްޖެއިން ބޭރަށް ކިޔަވަންދާ ނަމަ، މާލެއިން ނުވަތަ އެ ދަރިވަރަކު ރަށްވެހިވެފައިވާ ރަށުން އެ ދަރިވަރު ކިޔަވަންދާން އިހުތިޔާރުކުރި މަތީ ތައުލީމުދޭ މުއައްސަސާ ހުރި ރަށަކަށް އިކޮނޮމީ ކްލާހުން އެންމެ އަގުހެޔޮކޮށް އަދި ކުރު ރޫޓަކުން ދިއުމުގެ ހަރަދު.
  2. ދިވެހިރާއްޖޭގައި ކިޔަވާ ނަމަ ދަރިވަރު ހުރި ރަށަކުން ކިޔަވަންދާން އެދޭ ރަށަކަށް، އިކޮނޮމީ ކްލާހުން ނުވަތަ އެންމެ އަގުހެޔޮ ގޮތަކުން ދިއުމުގެ ހަރަދު.
  3. ކޯހުގެ ޓިއުށަން ފީ، މި ފައިސާ ދައްކާނީ، މަތީ ތައުލީމު ދޭ މުއައްސަސާ އިންވޮއިސް، މިނިސްޓްރީއަށް ލިބުމުން، އޭގައިވާ ގޮތުގެ މަތިންނެވެ. މިނިސްޓްރީއަށް އިންވޮއިސް ލިބުނުކަން ކަށަވަރުކުރުމަކީ ދަރިވަރުގެ ޒިންމާއެކެވެ.
  4. ވިސާގެ ހަރަދު؛ ސްކޮލަރށިޕްގައި ދާން ބޭނުންވާ ގައުމުގެ ވިސާ ނެގުމަށް ދިވެހިރާއްޖެއިން ބޭރަށް ދާންޖެހޭ ނަމަ، ވިސާ ނެގުމަށް ދަރިވަރު ކުރާ ދަތުރުގެ ހަރަދު ހަމަޖައްސައިދެވޭނީ، އެ ގައުމެއްގައި 3 (ތިނެއް) ދުވަހުގެ މުއްދަތަށް ހުރުމަށް 1 (އެކެއް) ފަހަރުއެވެ.
  5. ކޯސް ރެޖިސްޓްރޭށަން ހަރަދު؛
  6. ހެލްތު އިންށުއަރަންސް؛
  7. އެސްޓެބްލިށްމަންޓް އެލަވަންސް. މިއީ ކޯހުގެ މުއްދަތުގައި 1 (އެކެއް) ފަހަރު ދެވޭ ފައިސާގެ އެހީއެކެވެ. ޓްވިނިންގ ޕްރޮގްރާމު ފުރިހަމަކުރާ ދަރިވަރުން ކޯސް ފަށާއިރު، އެސްޓެބްލިށްމަންޓް އެލަވަންސް ނެގުން ނުވަތަ ޓްވިނިންގ ޕްރޮގްރާމުގެ ދަށުން ދެވަނަ ގައުމަށް ކިޔަވަންދާއިރު އެސްޓެބްލިށްމަންޓް އެލަވަންސް ނެގުމުގެ އިހުތިޔާރު ލިބިގެންވެއެވެ.
  8. ސްޓައިޕެންޑް. މިއީ ދަރިވަރު ކިޔަވާ ރަށުގައި ދިރިއުޅުމަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށްޓަކައި ދެވޭ ފައިސާއެކެވެ. އެގޮތުން، އެކަމަޑޭށަނަށް އެޑްވާންސްކޮށް ފައިސާ ދައްކަންޖެހޭ ހާލަތެއްގައި މިނިސްޓްރީއަށް ހުށަހެޅުމުން ސްޓައިޕެންޑުން އުނިވާގޮތަށް މި ފައިސާ ދޫކުރެވިދާނެއެވެ.
  9. ބުކް އެލަވަންސް؛ މިއީ، ކޮންމެ އަހަރަކު 1 (އެކެއް) ފަހަރު ދެވޭ ފައިސާއެކެވެ.
  10. ޑިޕާޗަރ އެލަވަންސް؛ މިއީ، ދަރިވަރު ކޯސް ފުރިހަމަކުރުމަށްފަހު އެނބުރި ދިވެހިރާއްޖެއަށް އައުމަށް ދެވޭ ފައިސާއެވެ.
  11. އައި.އީ.އެލް.ޓީ.އެސް/ ޓީ.އޯ.އީ.އެފް.އެލް އެގްޒާމް ފީ

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޯހުގެ ޓިއުށަން ފީ ފިޔަވައި، އެހެން ހުރިހާ ހަރަދުތައް ކުރުމަށް ދެވޭ ފައިސާ ޖަމާކުރެވޭނީ، އެ ދަރިވަރެއްގެ އަމިއްލަ ބޭންކް އެކައުންޓަށެވެ. މި ފައިސާއަށް އެދި ހުށަހަޅާނީ، ކޯސް ފެށުމުގެ (މަދުވެގެން 8 (އަށެއް) ހަފްތާ) ގެ ކުރިން، މިނިސްޓްރީއަށެވެ. މި ފައިސާ ހޯދުމަށް ހުށަހަޅާއިރު، ކިޔަވަން ބޭނުންވާ ކޯހުން ޕްލޭސްމަންޓް ލިބިފައިވާކަމުގެ ލިޔުމާއި، ވިސާ ހޯދުމަށް ހިނގާނެ ހަރަދު އެނގޭނެ ލިޔުން ހުށަހަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - ސްކޮލަރށިޕްގެ ދަށުން ހަމަޖެހޭ ފައިސާ އުނިކުރެވޭނެ ހާލަތްތައް

ސްކޮލަރށިޕްގެ ދަށުން ހަމަޖެހޭ ފައިސާ އުނިކުރެވޭނީ، ދަރިވަރު އަމިއްލައަށް އެދިގެން ނުވަތަ އިތުރު ސްކޮލަރށިޕެއް ލިބުމުން ނުވަތަ މި އުސޫލުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހަރަދެއް ހަމަޖެއްސުމަށް ފައިސާގެ އެހީއެއް ލިބިއްޖެ ނަމައެވެ. އެފަދަ ފައިސާގެ އެހީއެއް ލިބިއްޖެ ނަމަ، މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ.

 

13 ވަނަ މާއްދާ - ސްކޮލަރށިޕްގެ ފައިސާ ހަރަދުކުރުން

(ހ) ސްކޮލަރށިޕްގެ ދަށުން ދޫކުރެވޭ ފައިސާ ހަރަދުކުރަންވާނީ، އެ ފައިސާ ދޫކުރެވޭ ބޭނުމަކަށެވެ. އަދި އެ ފައިސާ ހަރަދުކުރަންވާނީ، އެ ފައިސާ ދޫކުރެވުނު ދަރިވަރަކަށެވެ.

(ށ) ސްކޮލަރށިޕް ލިބޭ ދަރިވަރަކު، ސްކޮލަރށިޕް އެވޯޑްކުރުމުގެ ކުރިން، އަމިއްލަ ހަރަދުގައި ކިޔަވަން ފަށައިފައިވާ ނަމަ، ދަރިވަރު އަމިއްލައަށް ކުރި ހަރަދުތަކުގެ ތަފްސީލް ހެއްކާއެކު މިނިސްޓްރީއަށް ހުށަހެޅުމުން، އެ ފައިސާ އަނބުރާ ދަރިވަރަށް ދެވޭނެއެވެ. މި ގޮތަށް އަނބުރާ ދެވޭނީ މި އުސޫލުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހަރަދުތައް އެކަންޏެވެ.

 

14 ވަނަ މާއްދާ - ދަރިވަރު ކޯހުން ފެއިލްވެއްޖެ ނަމަ އަމަލުކުރާނެ ގޮތް

ސްކޮލަރށިޕްގެ ދަށުން ކިޔަވަމުންދާ ދަރިވަރަކު ކޯހުން ނުވަތަ ކޯހުގެ ޔުނިޓަކުން ނުވަތަ މާއްދާއަކުން ނުވަތަ މޮޑިއުލަކުން ފެއިލްވެއްޖެ ނަމަ، އަމަލުކުރާނީ ތިރީގައިވާ ގޮތަށެވެ.

(ހ) ސްކޮލަރށިޕްގެ ދަށުން ކިޔަވަމުންދާ ދަރިވަރަކު ކޯހުން ނުވަތަ ކޯހުގެ ޔުނިޓަކުން ނުވަތަ މާއްދާއަކުން ނުވަތަ މޮޑިއުލަކުން ފެއިލްވެއްޖެ ނަމަ، ދަރިވަރު ލިޔުމަކުން މިނިސްޓްރީއަށް އަންގަންވާނެއެވެ. ފެއިލްވުމުގެ ސަބަބުން ފައިސާގެ އެހީ ހޯދުމަށް ހުށަހަޅާ ނަމަ، ފެއިލްވާން ދިމާވި ސަބަބު ނުވަތަ ސަބަބުތައް ސާބިތުކޮށްދިނުމުގެ ގޮތުން ކަމާބެހޭ ހެކިތަކާއި، މަތީ ތައުލީމު ދޭ މުއައްސަސާއިން ހޯދައިފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ. އަދި ސިއްހީ ހާލަތެއް މެދުވެރިވުމުގެ ސަބަބުން، ދަރިވަރު ކޯހުން ނުވަތަ ކޯހުގެ ޔުނިޓަކުން ނުވަތަ މާއްދާއަކުން ނުވަތަ މޮޑިއުލަކުން ފެއިލްވެއްޖެ ނަމަ، އެ ދުވަސްވަރު އެފަދަ ސިއްހީ ނުވަތަ ނަފްސާނީ ހާލަތެއް އެ ދަރިވަރަކަށް މެދުވެރިވިކަން ސާބިތުކޮށްދިނުމަށް ޓަކައި މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަންވާނެއެވެ. ދަރިވަރު ހުށަހަޅާ ލިޔުމާއި، ސަބަބަށް ބަލައި މަގްބޫލު އުޒުރެއްކަމަށް މިނިސްޓްރީއަށް ފެނިއްޖެ ނަމަ، އެ ފެއިލްވި މާއްދާ ނުވަތަ މޮޑިއުލް ނުވަތަ ޔުނިޓް އެންމެ އަވަސް މުއްދަތެއްގައި ނިންމުމަށް ހޭދަވާ މުއްދަތަކަށް ސްޓައިޕެންޑާއި ކޯސް ފީގެ ހަރަދު ދެވިދާނެއެވެ. މި ގޮތުން އެންމެ ގިނަވެގެން ދެވޭނީ 1 (އެކެއް) އަހަރުގެ މުއްދަތެކެވެ. މިފަދަ ފުރުސަތެއް ދެވޭނީ އެންމެ އެއްފަހަރުއެވެ.

(ށ) ސްކޮލަރށިޕްގައި ކިޔަވަމުންދާ ދަރިވަރަކު ކޯހުން ނުވަތަ ކޯހުގެ ޔުނިޓަކުން ނުވަތަ މާއްދާއަކުން، ނުވަތަ މޮޑިއުލަކުން ދެވަނަ ފަހަރު ފެއިލްވެއްޖެ ނަމަ، ނުވަތަ މަގްބޫލު އުޒުރަކާ ނުލައި ފެއިލްވެއްޖެ ނަމަ، ޔުނިޓް ނުވަތަ މާއްދާ ނުވަތަ މޮޑިއުލް ފުރިހަމަކުރުމަށް ހިނގާ އިތުރު ހަރަދު ހަމަޖައްސަންޖެހޭނީ އެ ދަރިވަރު އަމިއްލައަށެވެ.

(ނ) އެއްވެސް ސަބަބަކާހުރެ، ދަރިވަރު ތައުލީމު ހާސިލުކުރަމުންދާ މަތީ ތައުލީމުދޭ މުއައްސަސާއިން ދަރިވަރު ވަކިކޮށްފި ނަމަ ނުވަތަ މަގްބޫލު އުޒުރަކާ ނުލައި ކޯހުން ދަރިވަރު ފެއިލްވެއްޖެ ނަމަ ނުވަތަ ދަރިވަރު އަމިއްލައަށް ކޯހުގައި ކިޔެވުން ހުއްޓައިލައިފި ނަމަ، 2020 ފެބުރުވަރީ 12 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި ހިދުމަތް ނުކުރާ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ "އުސޫލު" ގައިވާ ގޮތުގެ މަތީން އެ ދަރިވަރަކާމެދު އަމަލުކުރެވޭނެއެވެ.

 

15 ވަނަ މާއްދާ - ދަރިވަރުން ސަމާލުކަންދޭންވާ މުހިންމު ކަންތައްތައް

ސްކޮލަރށިޕްގެ ދަށުން ކިޔަވަމުންދާ ދަރިވަރުން ސަމާލުކަން ދޭންވާ މުހިންމު ކަންތައްތައް ތިރީގައި މިވަނީއެވެ.

(ހ) އުސޫލެއްގެ ގޮތުން، ދަރިވަރުން ތައުލީމު ހާސިލުކުރަން ފެށުމަށްފަހު، އެ ދަރިވަރަކު ކިޔަވަމުންދާ ކޯހާއި، ކޯހުގެ މުއްދަތާއި، މަތީ ތައުލީމު ދޭ މުއައްސަސާއާއި، ކިޔަވަންދާ ގައުމު ބަދަލުކުރުމުގެ ފުރުސަތެއް ނުދެވޭނެއެވެ. ނަމަވެސް، ހާއްސަ ހާލަތެއް މެދުވެރިވެގެން ކޯސް ނުވަތަ ކޯހުގެ މުއްދަތު ނުވަތަ މަތީ ތައުލީމު ދޭ މުއައްސަސާ ބަދަލުކުރުމަށް މިނިސްޓްރީއަށް ލިޔުމަކުން ހުށަހަޅައިފި ނަމަ، އެ ހާލަތަށް ރިއާޔަތްކޮށްފައި ގޮތެއް ނިންމާނީ މިނިސްޓްރީންނެވެ.

(ށ) ކިޔެވުން ފެށުމަށްފަހު، ކޮންމެ 6 (ހައެއް) މަސްދުވަހަކުން އެއްފަހަރު، ދަރިވަރު ކިޔެވުން ކުރިޔަށްގެންދާކަން އެނގޭނެ، މަތީ ތައުލީމު ދޭ މުއައްސަސާގެ ލިޔުމާއެކު ފައިސާ ދޫކުރުމަށް، ބޭނުންވާ ލިޔުންތައް މިނިސްޓްރީން އެންގުމުން، ދަރިވަރު މި މިނިސްޓްރީއަށް ފޮނުވަންވާނެއެވެ. ދަރިވަރު ކިޔަވަމުންގެންދާ މަތީ ތައުލީމުދޭ މުއައްސަސާއިން ސެޓުފިކެޓް އެވޯޑްކުރުމަށް ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑަށްވުރެ، ދަރިވަރުގެ އެކަޑަމިކް ޕަރފޯމަންސް ދަށްވެގެން ނުވާނެއެވެ.

(ނ) ދަރިވަރު ކޯހުގައި ހުންނަ މުއްދަތަށް، ސްޓޫޑެންޓް ހެލްތު އިންށުއަރެންސް ކަވަރ ހޯދުން ލާޒިމުވާނެއެވެ. ކޯހުގެ މުއްދަތުގައި ބަލިވެގެން ހިނގާ އެއްވެސް ހަރަދަކަށް މިނިސްޓްރީން ފައިސާގެ އިތުރު އެހީއެއް ނުދެވޭނެއެވެ.

(ރ) ދިވެހިރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން ކޯސް ފުރިހަމަކުރުމަށްފަހު، ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް އެނބުރި އައިސް، ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މިނިސްޓްރީއަށް ލިޔުމަކުން އަންގަންވާނެއެވެ. ދިވެހިރާއްޖޭގައި ތިބެގެން ކިޔަވާ ދަރިވަރުން ވެސް، ކޯސް ނިންމުމަށްފަހު، ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމަކުން އަންގަންވާނެއެވެ. އަދި ސްކޮލަރށިޕް ލިބޭ ހުރިހާ ދަރިވަރުން ވެސް ހާސިލުކުރި ކޯހުގެ ސެޓުފިކެޓު ލިބުމާއެކު އެ ސެޓްފިކެޓުގެ ކޮޕީއެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ބ) ކޯހުގައި ކިޔަވަމުންދާއިރު އިސްލާމްދީނަށާއި، ދިވެހި ދައުލަތުން އަންގާ އެންގުންތަކަށް، ކިޔަމަންތެރިކަން އަދާކުރަންވާނެއެވެ. އަދި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން އެ ދަރިވަރަކު ކިޔަވަމުންދާ ގައުމެއްގެ ގާނޫނުތަކަށާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.

 

16 ވަނަ މާއްދާ - ކޯސް ނިންމުމަށްފަހު ހިދުމަތްކުރުން

(ހ) މި ސްކޮލަރށިޕް ލިބިގެން ކިޔަވާ ދަރިވަރުން، ތިރީގައި ބަޔާންވެގެންވާ ގޮތުގެ މަތީން ސަރުކާރަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން ދިވެހިރާއްޖެއަށް ގާނޫނު ނަންބަރު 1976-29 (ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ހިދްމަތް ކުރުމާބެހޭ ގާނޫނ) ގައި ކަނޑައަޅައިފައިވާ މުއްދަތަކަށް ހިދުމަތްކުރަންވާނެއެވެ.

  1. ރާއްޖެއިން ބޭރުގައި ތަމްރީނުދެވޭ ފަރާތެއް ނަމަ، އަދި އެ ކޯހުގެ މުއްދަތަކީ 4 (ހަތަރެއް) އަހަރުދުވަސް ނުވަތަ 2 (ދޭއް) އަހަރުދުވަހާއި 4 (ހަތަރެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއް ނަމަ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް؛
  2. ރާއްޖެއިން ބޭރުގައި ތަމްރީނުދެވޭ ފަރާތެއް ނަމަ، އަދި އެ ކޯހުގެ މުއްދަތަކީ 4 (ހަތަރެއް) އަހަރުދުވަހަށް ވުރެ ދިގު މުއްދަތެއް ނަމަ، 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތަށް.
  3. ރާއްޖޭގައި ތަމްރީނުދެވޭ ފަރާތެއް ނަމަ، އަދި އެ ކޯހުގެ މުއްދަތަކީ 18 (އަށާރަ) މަސްދުވަހަށް ވުރެ ދިގު މުއްދަތެއް ނަމަ، 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތަށް.

(ށ) ކޮންމެ ދަރިވަރަކު މި މާއްދާގައިވާ ގޮތުގެ މަތީން ހިދުމަތްކުރަން ފެށުމަށްފަހު، އެކަން މިނިސްޓްރީއަށް ލިއުމުން އަންގަންވާނެއެވެ. މި ގޮތުން ވަޒީފާ އައާކުރާކަމުގެ ލިޔުމުގައި، ވަޒީފާ ދިން ފަރާތާއި ތާރީހާއި މަގާމު އެނގެން ހުންނަންވާނެއެވެ.

 

17 ވަނަ މާއްދާ - އެހެނިހެން

މި އުސޫލުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއް ނިންމާނީ މިނިސްޓްރީންނެވެ.

 

18 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި ވަކި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ފުލްޓައިމް ޕްރޮގުރާމް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ފުލްޓައިމް ޕްރޮގުރާމެއްކަމަށް ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭ ޕްރޮގުރާމަށެވެ.

(ށ) "ޓްވިނިންގ ޕްރޮގުރާމް" ކަމަށް ބުނެފައި އެވަނީ، ދަރިވަރު ކިޔަވަން ކަނޑައެޅުނު ޕްރޮގުރާމު ދެ ގައުމެއްގައި ފުރިހަމަކުރާގޮތަށް ރާވައިފައިވާ އެކަޑެމިކް ޕްރޮގުރާމުތަކަށެވެ.

(ނ) "މަތީ ސާނަވީ އިމްތިހާނުތަކުން އެއްވަނަ ދަރަޖައިގައި ފާސްވުން" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ 3 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ މިންގަނޑަށް ފާސްވުމަށެވެ.

(ރ) "އޯލެވެލް" ކަމަށް ބުނެފައި އެވަނީ، ޖެނެރަލް ސެޓްފިކެޓް އޮފް އެޑިޔުކޭށަންގެ އޯޑިނަރީ ލެވެލްއަށެވެ.

(ބ) "އިތުރު ސްކޮލަރށިޕެއް" ކަމަށް ބުނެފައި އެވަނީ، ރަސްމީކޮށް ސްކޮލަރށިޕް ދޭ ފައުންޑޭށަނަކުން ނުވަތަ މަތީ ތައުލީމު ދޭ މުއައްސަސާއަކުން ދަރިވަރަކަށް ލިބޭ ފުލް ސްކޮލަރށިޕަށް ނުވަތަ ޕާށަލް ސްކޮލަރށިޕަށެވެ. ބެލެނިވެރިއެއްގެ ފަރާތުން ނުވަތަ ހެޔޮއެދޭ ފަރާތަކުން އެއްވެސް ށަރުތަކާ ނުލައި ދަރިވަރަކަށް ދޭ ފައިސާގެ އިނާމެއް މީގެ ތެރެއަކު ނުހިމެނޭނެއެވެ.

(ޅ) "ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ ސްކޮލަރށިޕް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ 4 ވަނަ މާއްދާގައިވާ ދަރަޖައިގައި ކިޔެވުމަށް ދެވޭ ސްކޮލަރށިޕަށެވެ.

(ކ) "އެޗްއެސްސީ" ކަމަށް، ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ދޭ، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނަށެވެ.

(އ) "ޕްރޮފެށަނަލް ގިންތި" ކަމަށް ބުނެފައި އެވަނީ، ލައިސަންސް ނުވަތަ ހުއްދަ ލިބިގެން މަސައްކަތްކުރަންޖެހޭ ދާއިރާތަކުގައި އެފަދަ މަސައްކަތްތައް ފަންނީގޮތެއްގައި ކުރުމަށް ލައިސަންސް ނުވަތަ ހުއްދަ ލިބޭ ފެންވަރުގެ ސަނަދުތަކަށެވެ.

(ވ) "ޕްލޭސްމަންޓް" ކަމަށް ބުނެފައި އެ ވަނީ، މަތީ ތައުލީމު ދޭ މުއައްސަސާއަކުން ކޯހެއްގައި ކިޔެވުމަށް ދަރިވަރަކަށް ދީފައިވާ ޖާގައަށެވެ.

(މ) "ރީޗެކް ނަތީޖާ" ކަމަށް ބުނެފައި އެވަނީ، އިމްތިހާނަކުން ލިބޭ ނަތީޖާ މުރާޖާކުރުމުން ލިބޭ ނަތީޖާއަށެވެ.

(ފ) "މިނިސްޓްރީ" ކަމަށް ބުނެފައި އެ ވަނީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭށަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓަށެވެ.

(ދ) "ސާނަވީ" ކަމަށް ބުނެފައި އެވަނީ، ގްރޭޑް 11 އާއި ގްރޭޑް 12 (ކީސްޓޭޖް 5) ގެ ތައުލީމީ މަރުހަލާއަށެވެ.

(ތ) "އެމްބީބީއެސް" އާއި "ބީޑީއެސް" ކަމަށް ބުނެފައި އެ ވަނީ، ބެޗްލަރ އޮފް "މެޑިސިން" އަށާއި "ބެޗްލަރ އޮފް ޑެންޓަލް ސަރޖަރީ" އަށެވެ.

(ލ) "އައިއީއެލްޓީއެސް" ކަމަށް ބުނެފައި އެ ވަނީ، އިންޓަރނޭށަނަލް އިންގްލިށް ލޭންގްއޭޖް ޓެސްޓިންގ ސިސްޓަމް އަށެވެ.

(ގ) "ޓީއޯއީއެފްއެލް" ކަމަށް ބުނެފައި އެވަނީ، ޓެސްޓް އޮފް އިންގްލިށް އޭޒް އަ ފޮރިން ލެންގްއޭޖް އަށެވެ.

 

19 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

20 ވަނަ މާއްދާ - އުވައިލެވޭ އުސޫލު

މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، 10 ޑިސެންބަރު 2019 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރށިޕާބެހޭ އުސޫލު" އުވުނީއެވެ.

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 2021-07)

 

އުވި އުސޫލު

މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ ސްކޮލަރށިޕްގެ އުސޫލު (އުސޫލު ނަންބަރު 2026-10)

 

އުވުނު އުސޫލު

މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރށިޕާބެހޭ އުސޫލު (އުސޫލު ނަންބަރު 2019-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު