-

މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ ސްކޮލަރށިޕްގެ އުސޫލު

(އުސޫލު ނަންބަރު 2026-11)

(މި އުސޫލަށް އަމަލުކުރަން ފެށީ 30 މާރިޗު 2026 ގައި)

(މި އުސޫލުގެ 21 ވަނަ މާޢްދާއިން ވަނީ އުސޫލު ނަންބަރު 2026-10 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި އުސޫލަކީ، ދިވެހިރާއްޖޭގެ މަތީ ސާނަވީ އިމްތިޙާނުތަކުން އެއްވަނަ ދަރަޖައިގައި ފާސްވެފައިވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕް ސްކީމާ ގުޅޭ ކަންކަން ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2021-07 (މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ކ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ، "މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕްގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަޤްސަދު

މި އުސޫލުގެ މަޤްސަދަކީ، މަތީ ސާނަވީ ފެންވަރަށް ދަރިވަރުން ކިޔެވުމަށް ބާރުއަޅައި، ދަރިވަރުންގެ ޤާބިލިއްޔަތާ އެކަށޭނަ އެންމެ މަތީ ދިރާސީ ނަތީޖާ ހޯދުމަށް ހިތްވަރުދިނުމަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާ ދޭ ސްކޮލަރޝިޕްގެ ކަންކަން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ކުރިޔަށް ގެންދިއުމަށް ޓަކައި އެކަމާ ގުޅޭ އެންމެހައި އިޖުރާތުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ސްކޮލަރޝިޕްގެ ޝަރުތު

މި އުސޫލުގެ ދަށުން ސްކޮލަރޝިޕް ފުރުޞަތު ދޭނީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ ދަރިވަރުންނަށެވެ.

(ހ) މަތީ ސާނަވީ އިމްތިޙާނުތަކުން އެއްވަނަ ދަރަޖައިގައި ފާސްވެފައިވާކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ އަންނަނިވި 2 (ދޭއް) ނަތީޖާއިން ކުރެ ނަތީޖާއެއް ހޯދައިފައިވާ ދަރިވަރަކަށް ވުން،

  1. ވަކި ސްތަރެއްގެ ދަށުން ދިރިއުޅޭ ދަރިވަރު ބައިވެރިވި ހ. އޭލެވެލްގެ ނުވަތަ އޭލެވެލްއާ އެއްފެންވަރުގެ، އިމްތިޙާނެއްގެ ތިނެއް (3) (މިންވަރު) މާއްދާއިންނާއި، އެޗްއެސް.ސީ.ގެ "ދިވެހި" "އިސްލާމް" މި 2 (ދޭ) (ދެ) މާއްދާއިން: "އޭ*" (އޭ ސްޓާރ) ގުރޭޑު ހާސިލުކޮށްފައި ވުން: ނުވަތަ
  2. ޝަހާދާ ޘާނަވިއްޔާ އިމްތިޙާނުގެ ގެ އެ ދަރިވަރަކ ކިޔެވި ސްޓްރީމް (ސްޓްރީމް) ގައި ކިޔަވަންޖެހޭކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅައިފައިވާ ހުރިހާ މާއްދާއަކުން "އޭ*" (އޭ ސްޓާރ) ގުރޭޑު ލިބިފައިވުމާއެކު އެޗްއެސްސީގެ "ދިވެހި" މާއްދާއިން "އޭ*" (އޭ ސްޓާރ) ގުރޭޑު ހާސިލުކޮށްފައިވުން

(ށ) ރާއްޖޭގެ މަތީސާނަވީއަށް ކިޔަވައިދޭ ސްކޫލެއްގެ ގްރޭޑު 12 ފުރިހަމަކޮށްފައިވާ ދަރިވަރަކަށް، .ވުން

(ނ) ދިވެހި ރައްޔިތެއް ކަމުގައި ވުން

(ރ) އޯލެވެލް ނުވަތަ އޯލެވެލްއާ އެއްފެންވަރުގެ ނުވަތަ އެޔަށް ވުރެ މަތީ ފެންވަރުގެ އިނގިރޭސިބަހުގެ އިމްތިޙާނަކުން، ދަށްވެގެން "ސީ" ގްރޭޑު ލިބިފައިވާ ދަރިވަރަކަށް، .ވުން

 

4 ވަނަ މާޢްދާ - ސްކޮލަރޝިޕްގެ ދަށުން ކިޔެވޭނެ ލެވެލްއާއި މުއްދަތު

(ހ) ސްކޮލަރޝިޕްގެ ދަށުން ފުރުޞަތު ދޭނީ، ތިރީގައި، ބަޔާންކޮށްފައިވާ ޕްރޮގްރާމުތަކުގެ ތެރެއިން ޕްރޮގްރާމެއް ފުލްޓައިމްކޮށް، ކިޔެވުމަށެވެ.

  1. 3 (ތިނެއް) (މިންވަރު) އަހަރުދުވަހުގެ ނުވަތަ 4 (ހަތަރެއް) (މިންވަރު) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، ފުރިހަމަކުރާ ބެޗިލަރސް ޑިގްރީ ނުވަތަ ބެޗިލަރސް ޑިގްރީ ވިތު އޮނަރސް ޕްރޮގްރާމުތައް: ނުވަތަ
  2. ގިނަވެގެން 4 (ހަތަރެއް) (މިންވަރު) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ފުރިހަމަކުރާ ބެޗިލަރސް ފެންވަރުގެ ޑަބަލް ޑިގްރީގެ ޕްރޮގްރާމުތައް: ނުވަތަ
  3. 3 (ތިނެއް) (މިންވަރު) އަހަރުދުވަހުގެ ޑިގްރީއަކާއެކު، އިތުރު 1 (އެކެއް) (މިންވަރު) އަހަރުދުވަހުން ފުރިހަމަކުރާ ބެޗިލަރސް ވިތު އޮނަރސް ޕްރޮގްރާމުތައް ނުވަތަ
  4. ކިޔެވުމާއި، އިންޓަރންޝިޕް ހިމެނޭގޮތަށް ގިނަވެގެން 6 (ހައެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، ފުރިހަމަކުރާ، މެޑިސިން ނުވަތަ ޑެންޓިސްޓްރީގެ ބެޗިލަރސް ޑިގްރީ ޕްރޮގުރާމުތައް ނުވަތަ
  5. 3 (ތިނެއް) އަހަރުދުވަހުގެ، 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، ބެޗިލަރސް ޑިގްރީއަކާއެކު ފުރިހަމަކުރާ ޕްރޮފެޝަނަލް ލައިސަންސް ޕްރޮގުރާމުތައް ނުވަތަ
  6. ފުރަތަމަ ޑިގްރީގެ ބައިތައް ހިމެނޭ ގޮތަށް 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ސީދާ މާސްޓަރސް ޑިގްރީއެއް ލިބޭގޮތަށް ފުރިހަމަކުރާ ޕްރޮގުރާމުތައް ނުވަތަ
  7. 3 (ތިނެއް) އަހަރުދުވަހުގެ ބެޗިލަރސް ޑިގްރީން ފާސްވެފައިވަނީ ޔުނިވަރސިޓީން ކަނޑައަޅާ އެންމެ މަތީ ގިންތީގައި ކަމުގައިވާ ނަމަ، ފުރަތަމަ ޑިގްރީގެ ކިޔެވުން ނިންމުމަށްފަހު، ޔުނިވަރސިޓީގައި 1 (އެކެއް) އަހަރުދުވަހުގެ، މާސްޓަރސް ޑިގްރީއެއް ފުރިހަމަކުރާ ޕްރޮގުރާމުތައް؛

މި ނަންބަރުގެ ދަށުން ބަޔާންކޮށްފައިވާ ފުރުޞަތު ދެވޭނީ، 2026 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ސްކޫލް ދަރުސާތަކުން ގްރޭޑު 12 ނިންމައި، ނަވީ އިމްތިޙާނުގައި ބައިވެރިވެ ސްކޮލަރޝިޕް ހާސިލުކުރާ ދަރިވަރުންނަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްރޮގުރާމްތަކުގައި ކިޔަވާ ދަރިވަރުންގެ ކޯހުގެ ބައެއްގެ ގޮތުގައި ކޮންމެހެން ފުރިހަމަކުރަންޖެހޭ ކަމަށް ކަނޑައަޅައިފައިވާ، ޖުމުލަ 1 (އެކެއް) އަހަރުދުވަހަށް ވުރެ ދިގުނޫން އިންޓަރންޝިޕް ޕްރޮގުރާމުތަކަށް ސްކޮލަރޝިޕްގެ ދަށުން ފުރުޞަތު ދެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން 3 (ތިނެއް) އަހަރުދުވަހުގެ ޑިގްރީއަކާއެކު، އިތުރު 1 (އެކެއް) އަހަރުދުވަހުން ބެޗިލަރސް ވިތު އޮނަރސް ޕްރޮގުރާމު ފުރިހަމަކުރަން ހުށަހަޅާ ނަމަ، ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާއިރު، ފުރަތަމަ ކިޔަވަން ފަށާ ޑިގްރީގެ އިތުރުން ކިޔަވަން ގަސްތުކުރާ އޮނަރސް ޑިގްރީގެ ތަފުސީލު ވެސް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ސްކޮލަރޝިޕްގެ ދަށުން މާސްޓަރސް ޑިގްރީގެ ފެންވަރަށް ކިޔަވަން ގަސްތުކުރާ ނަމަ ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާއިރު، ފުރަތަމަ ކިޔަވަން ފަށާ ޑިގްރީގެ އިތުރުން މަތީ ފާހާއެކު އިތުރަށް ކިޔެވުމަށް ފުރުޞަތު ލިބިއްޖެ ނަމަ، ކިޔަވަން ގަސްތުކުރާ މާސްޓަރސް ޕްރޮގްރާމްގެ ތަފްސީލު ވެސް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިންޓަރންޝިޕެއްގައި ބައިވެރިވާ ދަރިވަރުން އެ ކޯހުގެ ބައެއްގެ ގޮތުގައި، ނުވަތަ ކޯހުގެ ސަނަދު ހާސިލުކުރުމަށް އިންޓަރންޝިޕް ފުރިހަމަކުރަންޖެހޭ ކަމުގެ ތަފްސީލު، އިންޓަރންޝިޕް ފުރިހަމަކުރަން ފެށުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅައި، އެކަމުގެ ހުއްދަ ހޯދަންވާނެއެވެ. މި އުސޫލުގެ 7 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ޚަރަދުތަކަށް ސްކޮލަރޝިޕްގެ ދަށުން ފައިސާ ދޫކުރާނީ، އިންޓަރންޝިޕް ފުރިހަމަކުރަންޖެހޭ ކަމުގެ ތަފްސީލު، އިންޓަރންޝިޕް ފުރިހަމަކުރަން ފެށުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅައި، ހުއްދަ ހޯދާ ދަރިވަރުންނަށެވެ.

 

5 ވަނަ މާއްދާ - ކިޔަވަން ދެވޭނެ ޤައުމާއި މަރުކަޒު

(ހ) މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދެވޭނީ، ދިވެހިރާއްޖޭގައި ހުރެގެން ކިޔެވުމަށާއި، ރާއްޖެއާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކޮށްފައިވާ ޤައުމުތަކުގެ ތެރެއިން، ދަރިވަރުން ކިޔަވަން ތިބުމަށް ރައްކާތެރިކަމަށް ކަނޑައެޅިފައިވާ ޤައުމުތަކުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި ކިޔެވުމަށެވެ.

(ށ) 2 (ދޭއް) މަރުކަޒެއް ގުޅިގެން އެއް ޤައުމަށް ވުރެ ގިނަ ޤައުމުގައި ކިޔަވާ ގޮތަށް ހަމަޖެހިފައިވާ "ޓްވިނިންގ" ޕްރޮގްރާމުތަކުގައި ކިޔެވުމަށް ދަރިވަރުންނަށް ފުރުޞަތު ދެވިދާނެއެވެ.

(ނ) މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި، ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިންޓަރންޝިޕް، ދަރިވަރުގެ ޕްރޮގްރާމު ފުރިހަމަކުރާ ޤައުމުގައި ކުރިޔަށްގެންދެވެން ނެތް ހާލަތެއްގައި ނުވަތަ އެ ޤައުމަށް ވުރެ ޚަރަދުކުޑަކޮށް އެހެން ޤައުމެއްގައި އިންޓަރންޝިޕް ހެދެން އޮތް ނަމަ، މިނިސްޓްރީގެ ހުއްދަޔާއެކު ދިވެހިރާއްޖޭގައި، ނުވަތަ ދެވަނަ އެހެން ޤައުމެއްގައި އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ދެވިދާނެއެވެ.

 

6 ވަނަ މާއްދާ - ކިޔަވާނެ ދާއިރާ

މި އުސޫލުގެ ދަށުން ދަރިވަރުން ކިޔަވަން ބޭނުން ކޮންމެ ދާއިރާއެއްގައި ކިޔެވުމުގެ ފުރުޞަތު ދެވޭނެއެވެ.

 

7 ވަނަ މާއްދާ - ސްކޮލަރޝިޕްގެ ދަށުން ދެވޭ ޚަރަދުތައް

ސްކޮލަރޝިޕްގެ ދަށުން ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ޚަރަދުތައް ކުރުމަށެވެ.

 

(ހ) ދަތުރުގެ ޚަރަދު

ދަރިވަރުގެ ދިރިއުޅުން އާންމުކޮށް ހަމަޖެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރި މަރުކަޒަކަށް ކިޔަވަން ދާ ނަމަ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދަތުރުގެ ޚަރަދު ހަމަޖައްސައިދެވޭނެއެވެ.

  1. ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކިޔަވާ ނަމަ، އެ މަރުކަޒު ހުރީ ދަރިވަރު ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައިކަމަށް ވާ ނަމަ އެ މަރުކަޒު ހުރި ރަށަށް ކިޔެވުން ފަށަން ދިއުމާއި، ކޯސް ނިމުމުން އަނބުރާ އައުމަށް އެންމެ އަގުހެޔޮ ރޫޓަކުން، ވައިގެ މަގުން ނުވަތަ ކަނޑުމަގުން ކުރާ ދަތުރުގެ ޓިކެޓުގެ ޚަރަދު
  2. ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކިޔަވާ ނަމަ، ކޮންމެ ދިރާސީ އަހަރެއް ނިމުމުން، އަހަރީ ޗުއްޓީގައި، ދަރިވަރު ދިރިއުޅޭ ރަށަށް ދިއުމާއި އެނބުރި އައުމަށް، އެންމެ އަގުހެޔޮ ރޫޓަކުން، ވައިގެ މަގުން ނުވަތަ ކަނޑުމަގުން ކުރާ ދަތުރުގެ ޓިކެޓުގެ ޚަރަދު
  3. ދިވެހިރާއްޖެއިން ބޭރަށް ކިޔަވަންދާ ނަމަ، މާލެއިން ނުވަތަ އެ ދަރިވަރަކު ދިރިއުޅެމުންދާ ރަށުން އެ ދަރިވަރު ކިޔަވާ މަރުކަޒު ހުރި ޤައުމަށް ކިޔެވުން ފަށަން ދިއުމާއި، ކޯސް ނިމުމުން ނުވަތަ އިންޓަރންޝިޕް ނިމުމުން އަނބުރާ އައުމަށް ވައިގެ މަގުން އިކޮނޮމީ ކްލާހުން އެންމެ އަގުހެޔޮ އަދި ކުރު ރޫޓަކުން ކުރާ ދަތުރުގެ ޓިކެޓުގެ ޚަރަދު
  4. ޓްވިނިންގ ޕްރޮގުރާމެއް ފުރިހަމަކުރާ ދަރިވަރުން އެ ދަރިވަރު ފުރަތަމަ ކިޔަވަން ފަށާ ޤައުމުން، ދެވަނައަށް ކިޔަވަންދާ ޤައުމަށް ވައިގެ މަގުން، އިކޮނޮމީ ކްލާހުން، އެންމެ އަގުހެޔޮ އަދި ކުރު ރޫޓަކުން ކުރާ ދަތުރުގެ އެއްކޮޅު ޓިކެޓުގެ ޚަރަދު
  5. އިންޓަރންޝިޕް ފުރިހަމަކުރާ ދަރިވަރުން، އިންޓަރންޝިޕް ފުރިހަމަކުރަނީ ކިޔެވި ޤައުމު ނޫން އެހެން ޤައުމެއްގައި ނަމަ، ކިޔެވި ޤައުމުން އިންޓަރންޝިޕް ފުރިހަމަކުރުމަށް ދާ ޤައުމަށް ވައިގެ މަގުން، އިކޮނޮމީ ކްލާހުން، އެންމެ އަގުހެޔޮ، އަދި ކުރު ރޫޓަކުން ކުރާ ދަތުރުގެ އެއްކޮޅު ޓިކެޓުގެ ޚަރަދު.

 

(ށ) ކޯސް ރެޖިސްޓްރޭޝަން ފީ

މިއީ، ދަރިވަރު ހަދާ ކޯހުގައި ބައިވެރިވުމަށް ކިޔަވާ މަރުކަޒަށް ރެޖިސްޓްރޭޝަން ފީގެ ގޮތުގައި ނުވަތަ އެޑްމިޝަން ފީގެ ގޮތުގައި ކޯހަށް ވަންނައިރު ދައްކަންޖެހޭ ފީއެވެ. މި އުސޫލުގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ސްކޮލަރޝިޕްގެ ދަށުން 2 (ދޭ) ކޯސް ހަދާ ދަރިވަރުންނަށް އެއިން ކޮންމެ ކޯހަކަށް ވެސް ކޯސް ރަޖިސްޓްރޭޝަން ފީގެ ޚަރަދު ދެވޭނެއެވެ.

 

(ނ) ޓިއުޝަން ފީ

މިއީ ދަރިވަރު ކިޔަވާ ކޯހުގެ އެކަޑަމިކް ފީގެ ގޮތުގައި އެ ކޯހަކަށް ކިޔަވާ މަރުކަޒުން ކަނޑައަޅައިފައިވާ ޖުމުލަ ފީއެވެ. މި ފީގެ ތެރޭގައި، ކިޔެވުމާ ސީދާ ނުގުޅޭ ކަންކަމުގައި މަރުކަޒުގެ ފަރާތުން ދޭ ޚިދުމަތްތަކަށް ނަގާ ފީގެ ޚަރަދެއް ނުހިމެނޭނެއެވެ.

  1. ޓިއުޝަންފީގެ ފައިސާ ދައްކާނީ، ދަރިވަރު ކިޔަވާ މަރުކަޒުން ކޮންމެ ދިރާސީ އަހަރަކަށް ޖެހޭ ފީގެ އިންވޮއިސް، މިނިސްޓްރީއަށް ލިބުމުން، އެ އިންވޮއިސްގައިވާ ގޮތުގެ މަތީންނެވެ. ނަމަވެސް ދަރިވަރު ކިޔަވާ މަރުކަޒުން ޓިއުޝަންފީއަށް އިންވޮއިސްކުރަނީ ކޮންމެ ސެމިސްޓަރއަކަށް ވަކިން ކަމުގައިވާ ނަމަ، އެ ގޮތުގެ މަތީން ވެސް އެ ފައިސާ ދެއްކުމުގެ ކަންތައް ހަމަޖައްސައިދެވޭނެއެވެ.
  2. ކިޔަވާ މަރުކަޒުގެ ފަރާތުން، ޓިއުޝަންފީ އިންވޮއިސްކުރިކަމާއި، މަރުކަޒަށް ޓިއުޝަންފީ ލިބިފައިވާކަން ދަރިވަރު ބަލައި، އެ ކަމުގެ މަޢުލޫމާތު މިނިސްޓްރީއަށް ގަވާއިދުން އަންގަމުން ގެންދަންވާނެއެވެ.

 

(ރ) ސްޓޫޑެންޓް ވިސާ ފީގެ ޚަރަދު

މިއީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، އެ ދަރިވަރު ކިޔަވަންދާ ޤައުމުގައި މަޑުކުރަންޖެހޭ މުއްދަތަށް ނަގަންޖެހޭ ވިސާގެ އެޕްލިކޭޝަން ޕްރޮސެސިންގ އާއި ވިސާ ދޫކުރުމަށް ނަގާ ފީއަށް ދޭ ޚަރަދެވެ. ޓްވިނިންގ ޕްރޮގުރާމެއްގެ ދަށުން 2 (ދޭއް) ޤައުމެއްގައި ކިޔެވުން ކުރިޔަށްގެންދާ ދަރިވަރުންނަށް، އެ ދެ ޤައުމުގެ ވިސާ ފީގެ ޚަރަދު ވެސް ދޫކުރެވޭނެއެވެ.

 

(ބ) ހެލްތު އިންޝުއަރެންސް؛

މިއީ ބޭރު ޤައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް، އެ ޤައުމުތަކުގައި ތިބޭއިރު ހޯދަންޖެހިދާނެ ޞިއްޙީ ފަރުވާއަކަށް، އެ ދަރިވަރަކު ކިޔަވާ މަރުކަޒަކުން ނުވަތަ ވިސާގެ ޝަރުތެއްގެ ގޮތުން އެ ޤައުމެއްގެ ސަރުކާރަކުން ކަނޑައަޅައިފައިވާ ކަވަރޭޖެއް ލިބޭގޮތަށް، ކިޔަވަން އެ ޤައުމެއްގައި ހުންނަ މުއްދަތަށް ކޮންމެހެން ނަގަންޖެހޭ ހެލްތު އިންޝުއަރެންސްގެ ޚަރަދެވެ. އިންޝުއަރެންސުގެ ކަވަރޭޖުގެ ތެރޭގައި ހިމެނޭ ކަންކަމުގެ އިތުރުން، ދަރިވަރުގެ ޞިއްޙީ ފަރުވާއަކަށް މި އުސޫލުގެ ދަށުން ފައިސާގެ އިތުރު އެހީއެއް ނުދެވޭނެއެވެ.

 

(ޅ) އެސްޓަބްލިޝްމަންޓް އެލަވަންސް؛

މިއީ ދަރިވަރު ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ކިޔެވަންދާއިރު އެ ރަށުގައި ކިޔެވުމަށް ޓަކައި ގާއިމުވުމަށް ކުރާ ޚަރަދަށް ކަނޑައެޅިފައިވާ ރޭޓަކުން 1 (އެކެއް) ފަހަރު ދޭ ފައިސާއެވެ. އެކި ޤައުމުތަކަށް ފައިސާ ދިނުމަށް ހަމަޖެހިފައިވާ ރޭޓުތަކުގެ ތަފުސީލު، މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ޓްވިނިންގ ޕްރޮގުރާމު ފުރިހަމަކުރާ ދަރިވަރުންނަށް ވެސް އެސްޓަބްލިޝްމަންޓް އެލަވަންސް ދޫކުރެވޭނީ 1 (އެކެއް) ފަހަރު، އެ ދަރިވަރު ކިޔަވަން ހަމަޖެހިފައިވާ ދެ ޤައުމުގެ ތެރެއިން ދަރިވަރު އިޚުތިޔާރުކުރާ ޤައުމެއްގެ ރޭޓުންނެވެ.

 

(ކ) (1) ސްޓައިޕެންޑް؛

  1. މިއީ، ކޮންމެ މަހަކަށް ކަނޑައެޅިފައިވާ ރޭޓަކުން ދަރިވަރު ކިޔަވާ ޤައުމުގައި ހުރުމާއި ކެއުމާއި އަސާސީ އެހެނިހެން ޚަރަދުތަކަށް ދެވޭ ފައިސާއެކެވެ. އެކި ޤައުމުތަކަށް ސްޓައިޕެންޑުގެ ގޮތުގައި ފައިސާ ދިނުމަށް ހަމަޖެހިފައިވާ ރޭޓްތަކުގެ ތަފުސީލު، މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  2. މި ސްކީމުގެ ދަށުން ދިވެހިރާއްޖޭގެ ސްކޮލަރޝިޕްގެ ދަށުން ދިވެހިރާއްޖޭގެ މަރުކަޒުތަކުގައި ކިޔެވުން ކުރިޔަށްގެންދާ ދަރިވަރުންނަށް ދިވެހިރާއްޖެއަށް އާންމުކޮށް ކަނޑައަޅައިފައިވާ ސްޓައިޕެންޑް ރޭޓުގެ އިތުރުން ކޮންމެ މަހަކަށް 6,000/- (ހަ ހާސް) ރުފިޔާގެ ޚާއްޞަ އެލަވަންސެއް ދެވޭނެއެވެ.
  3. ސްޓައިޕެންޑުގެ ފައިސާ ހަމަޖައްސައިދޭނީ، ދަރިވަރު ކޯހުގެ ކިޔެވުން ފަށާ ދުވަހުގެ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ކުރިން ފެށިގެން، އެ ދަރިވަރު ކޯސް ފުރިހަމަކުރަން މަރުކަޒަށް ހާޒިރުވާންޖެހޭ އެންމެ ފަހު ދުވަހުން ފެށިގެން ގިނަވެގެން 10 (ދިހައެއް) ދުވަހާ ހަމަޔަށެވެ.
  4. ޓްވިނިންގ ޕްރޮގްރާމެއް ފުރިހަމަކުރާ ދަރިވަރުން އެ ދަރިވަރު ފުރަތަމަ ކިޔަވަން ފަށާ ޤައުމުން ކިޔެވުން ނިމި، ދެވަނަޔަށް ކިޔަވަންދާ ޤައުމުގައި ކިޔެވުން ފެށުމާ ދޭތެރޭ އޮންނަ މުއްދަތުގައި ސްޓައިޕެންޑުގެ ފައިސާ ހަމަޖައްސައިދެވޭނީ ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށެވެ.
  5. އިންޓަރންޝިޕް ފުރިހަމަކުރާ ދަރިވަރުން ކިޔަވައި ނިމުމަށްފަހު، އިންޓަރންޝިޕް ފެށުމާ ދޭތެރޭ އޮންނަ މުއްދަތުގައި ސްޓައިޕެންޑުގެ ފައިސާ ހަމަޖައްސައިދެވޭނީ ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށެވެ.
  6. ސްޓައިޕެންޑުގެ ފައިސާ ދަރިވަރަށް އާންމުކޮށް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ 6 (ހައެއް) މަސްދުވަހަކުން 6 (ހައެއް) މަސްދުވަހަކުންނެވެ. ނަމަވެސް ދަރިވަރެއްގެ އެކޮމަޑޭޝަނަށްވާ ފައިސާ އެޑްވާންސްކޮށް 6 (ހައެއް) މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް އެއްފަހަރާ ދައްކަންޖެހޭ ހާލަތުގައި، 6 (ހައެއް) މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ސްޓައިޕެންޑަށްވާ ފައިސާ، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ދޫކުރެވިދާނެއެވެ.

 

(އ) ބުކް އެލަވަންސް؛

މިއީ، ދަރިވަރުން ކިޔެވުން ކުރިޔަށްގެންދާއިރު ކިޔެވުމަށް ހޯދަންޖެހޭ ޓެކްސްޓް ފޮތާއި އެފަދަ ވަސީލަތްތަކަށް ކުރަންޖެހޭ ޚަރަދަށް ކަނޑައެޅިފައިވާ ވަކި އަދަދަކުން، ކޮންމެ ދިރާސީ އަހަރަކަށް 1 (އެކެއް) ފަހަރު ދެވޭ ފައިސާއެވެ. އެކި ޤައުމުތަކަށް ފައިސާ ދިނުމަށް ހަމަޖެހިފައިވާ ރޭޓުތަކުގެ ތަފުސީލު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

(ވ) އިންޓަރންޝިޕްގެ ޚަރަދު

މިއީ، މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި، އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިންޓަރންޝިޕް ފުރިހަމަކުރަން ޚަރަދެއް ހިނގާ ނަމަ، އެކަމަށް ދޭ ޚަރަދެވެ.

އިންޓަރންޝިޕް ފުރިހަމަކުރަން ހުއްދަ ދެވިފައިވާ ކޯސްތަކުގެ އިންޓަރންޝިޕްގެ މުއްދަތުގައި ފައިސާ ދިނުމާ މެދު ނުވަތަ ދޭނެ އަދަދާ މެދު ގޮތެއް ނިންމާނީ ތިރީގައިވާ ހާލަތްތަކަށް ބަލައި، މިނިސްޓްރީންނެވެ.

  1. ކޯސް ފުރިހަމަކޮށް ސަނަދު ހޯދުމަށް ޓަކައި، ހަދަންޖެހޭ އިންޓަރންޝިޕްގައި ބައިވެރިވުމަށް ފީއަކާ ނުލައި އިންޓަރންޝިޕް ފުރިހަމަކުރެވެން ނެތް ހާލަތުގައި އެ ފީ؛
  2. އިންޓަރންޝިޕްގައި ބައިވެރިވާ މުއައްސަސާއަކުން، ނުވަތަ އެ ނޫންވެސް ގޮތަކުން ދަރިވަރަށް އުޖޫރައެއް ނުވަތަ އެލަވަންސެއް ނުލިބޭ ނަމަ، އެ މުއްދަތުގައި، އިންޓަރންޝިޕް ހަދާ ޤައުމަކަށް ކަނޑައެޅިފައިވާ ސްޓައިޕެންޑް ރޭޓުން އިންޓަރންޝިޕް ޚަރަދެއްގެ ގޮތުގައި ދޭ ލިވިންގ އެލަވަންސް؛
  3. އިންޓަރންޝިޕްގައި ބައިވެރިވާ މުއައްސަސާއަކުން ނުވަތަ އެ ނޫންވެސް ގޮތަކުން ދަރިވަރަށް ލިބޭ އުޖޫރަ ނުވަތަ އެލަވަންސް، އެ ޤައުމަށް ކަނޑައަޅައިފައިވާ ސްޓައިޕެންޑް ރޭޓަށްވުރެ މަދު ނަމަ، އެ މަދުވާ މިންވަރު،

 

(މ) ޑިޕާޗަރ އެލަވަންސް؛

މިއީ ދަރިވަރު ކޯސް ފުރިހަމަކުރުމަށްފަހު އޭނާ ދިރިއުޅޭ ރަށަށް އެނބުރި އައުމުގެ ކުރިން ކުރަންޖެހޭ ޚަރަދަށް ކަނޑައެޅިފައިވާ ރޭޓަކުން 1 (އެކެއް) ފަހަރު ދޭ ފައިސާއެވެ. އެކި ޤައުމުތަކަށް ފައިސާ ދިނުމަށް ހަމަޖެހިފައިވާ ރޭޓުތަކުގެ ތަފުސީލު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

(ފ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް؛

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތެއްގެ ހުންނަ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް، ޕްރޮގުރާމު ފުރިހަމަކުރުމަށް، އިތުރު އެހީތެރިކަމެއް ބޭނުންވާ ހާލަތްތަކުގައި، އެކަމަށް މިނިސްޓްރީން ކަނޑައަޅާ ޚަރަދު ދެވޭނެއެވެ.

(ދ) މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޓިއުޝަން ފީއާއި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ، އިންޓަރންޝިޕްގައި ބައިވެރިވުމަށް، ދައްކަންޖެހޭ ފީ، މިނިސްޓްރީން ދައްކައިދޭނީ، ކިޔަވާ މަރުކަޒުން ނުވަތަ އިންޓަރންޝިޕް ހަދާ އިންސްޓިޓިއުޓަކުން ހުށަހަޅާ އިންވޮއިސްއެއްގެ މައްޗަށް ބިނާކޮށް، ސީދާ ތަނަކަށެވެ. މި މާއްދާގެ (ނ) އާއި (ވ) ގެ ދަށުން ބަޔާންކޮށްފައިވާ ޚަރަދުތައް ފިޔަވައި، އިތުރު ހުރިހައި ޚަރަދުތަކަށް، ދޭ ފައިސާ ޖަމާކުރެވޭނީ، އެ ދަރިވަރެއްގެ އަމިއްލަ ނަމުގައި، ހުޅުވައިފައިވާ ބެންކު އެކައުންޓަށެވެ.

މި ފައިސާއަށް އެދި ހުށަހަޅާނީ، ޕްރޮގުރާމު ފެށުމުގެ މަދުވެގެން، 8 (އަށެއް) ހަފުތާގެ ކުރިން މިނިސްޓްރީއަށެވެ. މި ފައިސާ ހޯދުމަށް ހުށަހަޅާއިރު، ކިޔަވަން ބޭނުންވާ ކޯހުން ޕްލޭސްމަންޓް ލިބިފައިވާކަމުގެ ލިޔުމާއި ވިސާގެ ޚަރަދު އެނގޭނެ ލިޔުން ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާޢްދާ - ސްކޮލަރޝިޕްގައި ނުހިމެނޭ ޚަރަދުތައް

މި ސްކޮލަރޝިޕްގެ ދަށުން ތިރީގައި ބަޔާންކޮށްފައިވާ ޚަރަދުތައް ދަރިވަރުންނަށް، ދިނުމަށް، ހަމަޖެހިފައެއް ނުވެއެވެ.

(ހ) ކޯހުގެ ޕްލޭސްމަންޓް ހޯދުމަށް ޓަކައި ޕްރި-ރިކުއިސިޓް ކޯހެއް ނުވަތަ ފައުންޑޭޝަން ކޯހެއް ނުވަތަ ކޯސް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މޮޑިއުލެއްގައި، ބައިވެރިވުމުގެ ޚަރަދު.

(ށ) ކޯހުގައި ބައިވެރިވުމަށް ނުވަތަ ވިސާއެއް ހޯދުމަށް، ކޯސް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ، އިމްތިޙާނެއްގައި ނުވަތަ އިންޓަވިއުއެއްގައި ބައިވެރިވުމަށް ކުރަންޖެހޭ ޚަރަދު.

(ނ) ސްކޮލަރޝިޕްގައި ދާން، ބޭނުންވާ ޤައުމުގެ ވިސާ ނެގުމަށް ކުރަންޖެހޭ ދަތުރާއި، ދަތުރާ ގުޅިގެން ކުރަންޖެހޭ އެންމެހައި ޚަރަދު.

(ރ) ހެލްތު އިންޝުއަރެންސުގެ ކަވަރޭޖުގެ ތެރޭގައި، ހިމެނޭ ކަންކަމުގެ އިތުރުން، ދަރިވަރުގެ ޞިއްޙީ ފަރުވާއަކަށް، ހިނގާ ޚަރަދު.

(ބ) ދިރިއުޅުމަށް ކުރަންޖެހޭ، ތިރީގައި ބަޔާންކޮށްފައިވާ ޚަރަދުތައް، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ދިނުމަށް ހަމަޖެހިފައިވާ ޚަރަދު.

(ޅ) ދިރިއުޅުމަށް ކުރަންޖެހޭ، ތިރީގައި ބަޔާންކޮށްފައިވާ ޚަރަދުތައް، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ދިނުމަށް ހަމަޖެހިފައިވާ ޚަރަދު.

 

9 ވަނަ މާޢްދާ - ސްކޮލަރޝިޕްގެ ދަށުން ހަމަޖެހޭ 

(ހ) ސްކޮލަރޝިޕްގެ ދަށުން ހަމަޖެހޭ ފައިސާ އުނިކުރެވޭނީ، މި އުސޫލުގެ 7 ވަނަ ފައިސާ އުނިކުރެވޭނެ ހާލަތްތައް މާއްދާގައި ބަޔާންކޮށްފައިވާ ޚަރަދުތަކުގެ ތެރެއިން، ޚަރަދެއް ހަމަޖެއްސުމަށް، އެހެން ފަރާތަކުން ފައިސާގެ އެހީއެއް ދަރިވަރަށް ލިބިއްޖެނަމައެވެ. އެފަދަ ފައިސާގެ އެހީއެއް ލިބިއްޖެ ނަމަ، އެހީ ހަމަޖެހުނު ތާރީޚުން ފެށިގެން މަދުވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މި މިނިސްޓްރީއަށް އެކަން ލިއުމުން އަންގަންވާނެއެވެ. މިނިސްޓްރީއަށް އެކަން އަންގަންވާނީ ދަރިވަރެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ފަރާތަކުން ކަމަށް ބުނެފައި ވަނީ، ސަރުކާރުގެ އެހެން އެއްވެސް ސްކީމަކުން ނުވަތަ ބައިލޭޓަރަލް ސްކީމަކުން ނުވަތަ ފައުންޑޭޝަނަކުން ނުވަތަ މަތީ ތައުލީމު ދޭ މުއައްސަސާއަކުން ދަރިވަރަކަށް ލިބޭ ފުލް ސްކޮލަރޝިޕަށް ނުވަތަ ޕާޝަލް ސްކޮލަރޝިޕަށެވެ. ނަމަވެސް، ބެލެނިވެރިއެއްގެ ފަރާތުން، ނުވަތަ ހެޔޮއެދޭ ފަރާތަކުން، ދަރިވަރަކަށް ދޭ ފައިސާގެ އިނާމެއް މި މާއްދާގެ ދަށުން ބަޔާންކޮށްފައިވާ އެހެން ފަރާތަކުން ދޭ ފައިސާގެ އެހީގެ ގޮތުގައެއް ނުހިމެނޭނެއެވެ.

 

10 ވަނަ މާއްދާ - ސްކޮލަރޝިޕްގެ ފައިސާ ޚަރަދުކުރުން

(ހ) ސްކޮލަރޝިޕްގެ ދަށުން، ދޫކުރެވޭ ފައިސާ، ޚަރަދުކުރަންވާނީ އެ ފައިސާ ދޫކުރެވުނު ދަރިވަރަކަށް އެ ދޫކުރެވުނު ބޭނުމަކަށެވެ.

(ށ) ސްކޮލަރޝިޕް ލިބޭ ދަރިވަރަކު ސްކޮލަރޝިޕް އެވާރޑްކުރުމުގެ ކުރިން އަމިއްލަ ޚަރަދުގައި ކިޔަވަން ފަށައިފައިވާ ނަމަ، ދަރިވަރު އަމިއްލައަށް ކުރި ޚަރަދުތަކުގެ ތަފުސީލު، ކިތާބީ ހެއްކާއެކު މިނިސްޓްރީއަށް ހުށަހެޅުމުން، އެއީ މި އުސޫލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޚަރަދެއް ނަމަ، އެ ފައިސާ ދަރިވަރަށް އަނބުރާ ދެވޭނެއެވެ.

 

11 ވަނަ މާއްދާ - ސްކޮލަރޝިޕް ދިނުމުގައި ޢަމަލުކުރާނެ ގޮތް

ސްކޮލަރޝިޕް ދިނުމުގައި، ޢަމަލުކުރާނެ ގޮތް ތިރީގައި މިވަނީއެވެ.

(ހ) ކޮންމެ އަހަރަކު ސާނަވީ އިމްތިޙާނުތައް ނިމި، ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕަށް ޝަރުތު ހަމަވާ ދަރިވަރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައެޅުމުން، އެ ދަރިވަރުން ސްކޮލަރޝިޕަށް ހޮވިފައިވާކަން މިނިސްޓްރީން އާންމުކޮށް އިޢުލާނުކުރާނެއެވެ. އާންމުކުރެވޭ ލިސްޓާ ގުޅިގެން، ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ، އިޢުލާނުގެ ތާރީޚުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. މި މުއްދަތުގެ ތެރޭގައި، އެއްވެސް ސަބަބަކާހުރެ ސްކޮލަރޝިޕަށް ހޮވިފައިވާ ދަރިވަރަކު އެ ފުރުޞަތު ދޫކޮށްލަން ބޭނުންވާ ނަމަ، އެކަން މިނިސްޓްރީއަށް ލިޔުމުން އަންގަންވާނެއެވެ. ޝަކުވާގެ މުއްދަތަށްފަހު، އެ އަހަރަށް ސްކޮލަރޝިޕް ލިބިފައިވާ ދަރިވަރުންގެ ފައިނަލް ލިސްޓު، ލަސްވެގެން، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީން އާންމުކުރާނެއެވެ.

(ށ) ސްކޮލަރޝިޕަށް ހޮވިފައިވާ ދަރިވަރުންނަށް، މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ދަރިވަރު ފުރިހަމަކުރަން އެދޭ ޕްރޮގުރާމުގެ މަޢުލޫމާތު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލެވޭނެއެވެ.

(ނ) ސްކޮލަރޝިޕަށް ހޮވިފައިވާ ދަރިވަރުންނަށް، މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ދަރިވަރު ފުރިހަމަކުރަން އެދޭ ޕްރޮގުރާމުގެ މަޢުލޫމާތު ހުށަހެޅުމަށް މިނިސްޓްރީން ހުޅުވައިލާ ތާރީޚުން ފެށިގެން 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި، ސްކޮލަރޝިޕް ލިބޭ ދަރިވަރުން، ސްކޮލަރޝިޕްގެ އިޤުރާރުގައި ސޮއިކުރުމަށްފަހު ކިޔަވަން ފަށަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ކިޔަވަން ނުފެށޭ، އެ ފަދަ މަޤުބޫލު އުޒުރެއް މެދުވެރިވެއްޖެ ހިނދެއްގައި، އެކަން ލިޔުމަކުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހެޅޭ އުޒުރުގެ ޞައްޙަކަން ސާބިތުކޮށްދިނުމުގެ ގޮތުން ކަމާގުޅޭ ހެކި ލިޔުމުން ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ހެކީގެ ޞައްޙަކަން ކަނޑައަޅާނީ މިނިސްޓްރީންނެވެ.

(ރ) ސްކޮލަރޝިޕް ލިބޭ ދަރިވަރު، ފުރިހަމަކުރަން އެދޭ ޕްރޮގުރާމުގެ ޕްލޭސްމަންޓް ހޯދައި، އެ ޕްރޮގުރާމުގެ ފީ ސްޓްރަކްޗަރއާއެކު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ބ) ސްކޮލަރޝިޕްގެ ދަށުން ފުރުޞަތު ލިބޭ ދަރިވަރު ހުށަހަޅާ ޕްރޮގުރާމުގައި ކިޔެވުމަށް މިނިސްޓްރީން ސްޕޮންސަރޝިޕް ލިޔުން ދޫކުރާނީ، އެ ޕްރޮގުރާމަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއާއި، ދިވެހިރާއްޖޭގައި ގާއިމުވެފައިވާ އެ ދާއިރާއަކާ ގުޅޭ އެހެނިހެން ޕްރޮފެޝަނަލް ކައުންސިލުތަކާއި އޮތޯރިޓީތަކުން ގަބޫލުކުރާ ފެންވަރުގެ ޕްރޮގުރާމެއްތޯއާއި، ތަޢުލީމުދޭ މުއައްސަސާއަކީ އެ އިދާރާތަކުން ގަބޫލުކުރާ ތަނެއްތޯއާއި، ދަރިވަރު އެ ކޯހެއްގައި ބައިވެރިވެ ކިޔެވުމަށް ފުރިހަމަކުރަންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމަށްފަހުގައެވެ.

 

12 ވަނަ މާއްދާ - ދަރިވަރުގެ ޒިންމާ

ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ދަރިވަރުން، ތިރީގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އުފުލަންވާނެއެވެ.

(ހ) ސްކޮލަރޝިޕްގެ ދަށުން، ފުރުޞަތު ލިބޭ ދަރިވަރު ހުށަހަޅާ ޕްލޭސްމަންޓަކީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއާއި، ދިވެހިރާއްޖޭގައި ގާއިމުވެފައިވާ އެ ދާއިރާއަކާ ގުޅޭ އެހެނިހެން ޕްރޮފެޝަނަލް ކައުންސިލުތަކާއި އޮތޯރިޓީތަކުން ގަބޫލުކުރާ ފެންވަރުގެ ކޯހެއްތޯއާއި، ތަޢުލީމުދޭ މުއައްސަސާއަކީ ގަބޫލުކުރާ ތަނެއްތޯއާއި، ދަރިވަރު އެ ކޯހެއްގައި ބައިވެރިވެ ކިޔެވުމަށް ފުރިހަމަކުރަންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމަކީ ދަރިވަރުގެ ޒިންމާއެކެވެ.

(ށ) ސްކޮލަރޝިޕަށް ހޮވުނުކަން ދަރިވަރަށް އަންގާތާ ލަސްވެގެން 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި ކިޔަވާނެ ކޯހެއް އިޚުތިޔާރުކޮށް ކިޔަވަން ފެށުމުގެ ކުރިން ދަރިވަރުގެ ފަރާތުން ފުރިހަމަކޮށް، ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ހުށަހަޅައި ސްކޮލަރޝިޕްގެ ދަށުން ބައިވެރިވާ ކޯހުގައި ކިޔަވަން ފެށުން. މިގޮތުން ކިޔެވުން ފަށާތާ މަދުވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކިޔަވަން ފެށި ތާރީޚާއި، ސެމިސްޓަރގެ ކިޔެވުން މަރުކަޒުގައި ރަސްމީކޮށް ފެށުނު ތާރީޚާއި ކިޔަވަން އެންރޯލްވެފައިވާ މާއްދާތަކުގެ ތަފުސީލާއި، ދަރިވަރު ކިޔަވަންދާ ޤައުމުގައި ދަރިވަރުގެ އެޑްރެހާއި، ދަރިވަރާ މުއާޞަލާތުކުރެވޭނެ ގޮތުގެ ތަފުސީލުތައް މިނިސްޓްރީއާ ހިއްސާކުރުން.

(ނ) މި ސްކީމުގެ ދަށުން ދޭ ސްކޮލަރޝިޕަކީ، އެކަޑަމިކް މެރިޓްގެ މައްޗަށް ދެވޭ ސްކޮލަރޝިޕަކަށް ވީ ހިނދު ދަރިވަރުގެ ކޯސް ކުރިޔަށްދާއިރު، އަދި ކޯސް އެއްކޮށް ފުރިހަމަކުރާއިރު ތިރީ ފެންވަރުގައި ފާސްވުމަށް ހިތްވަރާއެކު މަސައްކަތްކުރުން. މިގޮތުން ސެމިސްޓަރގެ ގުރޭޑު ޕޮއިންޓް އެވްރެޖް (ޖީޕީއޭ) އާއި ކިޔުމެލޭޓިވް ޖީޕީއޭ 3.00 ނުވަތަ އެއަށް ވުރެ މަތީގައި ހިފެހެއްޓުމަށް މަސައްކަތްކުރުން، ނުވަތަ 4.00 ގެ ޖީޕީއޭ ސްކޭލެއް ނޫން މިންގަނޑެއް ބޭނުންކުރާ މަރުކަޒެއް ނަމަ ވެސް އެއާ އެއްފެންވަރު ނަތީޖާއެއް ހޯދުމަށް މަސައްކަތްކުރުން.

(ރ) ދަރިވަރު ހިމެނޭ ކޯހުގައި ކިޔަވަންޖެހޭ ހުރިހާ މާއްދާ/މޮޑިއުލްއަކުން ފާސްވުމާއެކު ކިޔަވަމުންގެންދާ މަރުކަޒުން ކޯސް ފުރިހަމަކޮށް ސަނަދު ހާސިލުކުރުމަށް ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑަށް ވުރެ މަތީގައި ދަރިވަރުގެ އެކަޑަމިކް ޕަރފޯމަންސް ހިފެހެއްޓުން.

(ބ) މަރުކަޒުން، ކޮންމެ ޓާރމެއްގެ ނުވަތަ ސެމިސްޓަރއެއްގެ ނަތީޖާ ދޫކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ނަތީޖާ ސީޓް ނުވަތަ އެކަޑަމިކް ޓްރާންސްކްރިޕްޓް މިނިސްޓްރީއާ ހިއްސާކުރުން.

(ޅ) ކިޔެވުން ފެށުމަށްފަހު، ކޮންމެ 6 (ހައެއް) މަސްދުވަހަކުން އެއްފަހަރު، ދަރިވަރު ކިޔެވުން ކުރިޔަށްގެންދާކަން އެނގޭނެ ކިޔަވާ މަރުކަޒުގެ ލިޔުމާއެކު، ފައިސާ ދޫކުރުމަށް ބޭނުންވާ ލިޔުންތައް މިނިސްޓްރީއަށް ހުށަހަޅަމުން ގެންދިއުން.

(ކ) ކިޔަވާ މަރުކަޒުގެ ފަރާތުން ޓިއުޝަންފީގެ އިންވޮއިސް ކުރިކަމާއި، މަރުކަޒަށް ޓިއުޝަންފީ ލިބިފައިވާކަން ދަރިވަރު ބަލައި އެކަމުގެ މަޢުލޫމާތު، މިނިސްޓްރީއަށް ގަވާއިދުން އަންގަމުން ގެންދިއުން.

(އ) ދަރިވަރާ ގުޅޭގޮތުންނާއި ކިޔަވާ މަރުކަޒާއި ކޯހާ ގުޅޭގޮތުން މިނިސްޓްރީއަށް ދީފައިވާ އެއްވެސް މަޢުލޫމާތަކަށް ނުވަތަ ރިކޯޑަކަށް ބަދަލެއް އަތުވެއްޖެ ނަމަ، އެ ބަދަލެއް އައިތާ ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ބަދަލެއްގެ މަޢުލޫމާތު ތަފްސީލާއެކު މިނިސްޓްރީއަށް ހިއްސާކުރަމުން ގެންދިއުން.

(ވ) މަޤުބޫލު ސަބަބަކާ ގުޅިގެން މިނިސްޓްރީން ލިޔުމުން ހުއްދަ ދީފައިވާ ޚާއްޞަ ހާލަތްތަކުގައި ނޫނީ، ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި ހިމެނި ކޯސް ފުރިހަމަކުރަންޖެހޭ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަކޮށް ނިމޭނެ ގޮތަށް ކޮންމެ ސެމިސްޓަރަކަށް ވެސް ކަނޑައަޅައިފައިވާ ފުލް ލޯޑުގައި، މާއްދާތައް ނަގައިގެން ކިޔެވުން ކުރިޔަށް ގެންދިއުން.

(މ) ކޯހުގެ ކިޔެވުން ކުރިޔަށްދާއިރު، ކިޔަވާ މަރުކަޒުގެ އުސޫލުތަކާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި ޕްލެޖިއަރިޒަމް ނުވަތަ ކޮޕީކުރުން ފަދަ އެކަޑަމިކް އިންޓެގްރިޓީ ގެއްލިދާނެ ފަދަ އެއްވެސް ކަމެއް ނުކުރުން.

(ފ) މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަމުގައި ދިވެހި ސަރުކާރުން ދޭ އެންމެ ޝަރަފުވެރި އެއް ސްކޮލަރޝިޕަށް ވުމާއެކު ސްކޮލަރޝިޕުގައި ކިޔަވަމުންދާއިރު، އަދި ކިޔެވުން ފުރިހަމަކުރުމަށްފަހު، ވެސް މި ޝަރަފު ހިފަހައްޓައި ނެގެހެއްޓޭނެ ގޮތަށް ދަރިވަރުގެ އަހުލާޤުންނާއި، އިސްނެގުމުންނާއި، އުނގެނުމާއި ޤައުމަށް ޚިދުމަތްކުރުމުގައި ނަމޫނާ ދެއްކުން.

(ދ) އިސްލާމްދީނަށް ފުރިހަމަޔަށް ޙުރުމަތްތެރިކޮށް ހިތުމާއެކު، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުމާއި، ދިވެހިރާއްޖެއިން  ބައިވެރިވެފައިވާ ބައިނަލްއަގުވާމީ، މުޢާހަދާތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން، އެ ދަރިވަރަކު ކިޔަވަމުންދާ ޤައުމެއްގެ ޤާނޫނުތަކަށާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއެކު އާންމު މަސްލަހަތާއި ހަމަޖެހުން ގެއްލިދާނެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމާއި ދިވެހިރާއްޖޭގެ ތަޞައްވުރު ކިލަނބުވާނެ ފަދަ އެއްވެސް ޢަމަލެއް ނުހިންގުމާއި މިނިސްޓްރީން އަންގާ އެންގުންތަކަށް ޢަމަލުކުރުން.

(ތ) ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ކޯސް ފުރިހަމަކޮށް ނިމުމުން، ދަރިވަރު މަރުކަޒަށް ހާޒިރުވާންޖެހޭ އެންމެ ފަހު ދުވަހުގެ މަޢުލޫމާތު އެނގޭނެ މަރުކަޒުގެ ލިއުމަކާއެކު ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އެންގުން.

(ލ) ދިވެހިރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން ކޯސް ފުރިހަމަކުރުމަށްފަހު، ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް އެނބުރި އައިސް، ރާއްޖެ އަންނަތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އެކަން އެންގުން.

(ގ) އިންޓަރންޝިޕް ފުރިހަމަކުރާ ދަރިވަރުން، އިންޓަރންޝިޕް ފުރިހަމަކުރުމަށްފަހު ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ދިވެހިރާއްޖެއަށް އެނބުރި އައިސް، ރާއްޖެ އަންނަތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އެކަން އެންގުން.

(ޏ) ފުރިހަމަކުރާ ކޯހުގެ ފައިނަލް ނަތީޖާ، މަރުކަޒުން ދޫކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ނަތީޖާ ޝީޓް ނުވަތަ އެކަޑަމިކް ޓްރާންސްކްރިޕްޓް މިނިސްޓްރީއާ ހިއްސާކުރުމާއި، ފުރިހަމަކުރި ކޯހުގެ ސެޓްފިކެޓް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ސެޓްފިކެޓް ވެލިޑޭޓްކުރުމަށްފަހު އެ ސެޓްފިކެޓުގެ ކޮޕީއެއް މިނިސްޓްރީއަށް ހުށަހެޅުން.

(ސ) ސްކޮލަރޝިޕް ފުރިހަމަކުރުމަށްފަހު، މި އުސޫލުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ދިވެހި މި ޤައުމަށް ޚިދުމަތްކުރުން.

 

13 ވަނަ މާޢްދާ - ސްކޮލަރޝިޕްގެ ފުރުސަތު ކެންސަލްވާނެ ހާލަތުތައް

ދަރިވަރަށް ލިބިފައިވާ ސްކޮލަރޝިޕްގެ ފުރުޞަތު ކެންސަލްވާނެ ހާލަތުތައް ތިރީގައި މިވަނީއެވެ.

(ހ) ސްކޮލަރޝިޕަށް ހޮވުމަށްފަހު، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ޖަލުހުކުމެއް އައުން. 

(ށ) ސަބަބަކާހުރެ ނުވަތަ ފެއިލްވުމާ ގުޅިގެން ކިޔަވާ މަރުކަޒުން ދަރިވަރު ވަކިކުރުން.

(ނ) މަޤްބޫލު ސަބަބެއް ނެތި ސްކޮލަރޝިޕް އެވޯޑްކުރާތާ 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި ކިޔަވަން ފަށައިފައި ނުވުން.

(ރ) ސްކޮލަޝިޕް ދޫކޮށްލުމަށް ދަރިވަރު ލިޔުމުން މިނިސްޓްރީއަށް ހުށަހެޅުން.

 

14 ވަނަ މާއްދާ - ކިޔަވާ ޕްރޮގުރާމު ބަދަލުކުރުން؛

އުސޫލެއްގެ ގޮތުން، ދަރިވަރުން ތަޢުލީމު ހާސިލުކުރަން ފެށުމަށްފަހު، އެ ދަރިވަރަކު ކިޔަވަމުންދާ ކޯހާއި ކޯހުގެ މުއްދަތާއި، މަތީ ތަޢުލީމު ދޭ މުއައްސަސާއާއި ކިޔަވަންދާ ޤައުމު ބަދަލުކުރުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. ނަމަވެސް، ދަރިވަރު ކިޔަވަން ގަސްތުކުރި ކޯހުގެ ޕްލޭސްމަންޓް ލިބުމަށްފަހު، އަންނަނިވި ހާލަތްތަކުގައި ކޯސް ނުވަތަ ކޯހުގެ މުއްދަތު ނުވަތަ މަރުކަޒާއި ޤައުމު ބަދަލުކުރަން މިނިސްޓްރީއަށް ހުށަހެޅުމުން، އެ ހާލަތަކަށް ރިއާޔަތްކޮށްފައި، މިނިސްޓްރީން ހުއްދަ ދެވިދާނެއެވެ.

(ހ) ޕްރޮގުރާމު ބަދަލުކުރަން އެދޭއިރު، ކުރިން ހުށަހެޅި ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ މަތީ ތަޢުލީމު ދޭ މުއައްސަސާއަށް އެއްވެސް ފައިސާއެއް ދައްކައިފައި ނުވުން.

(ށ) ޕްރޮގުރާމު ބަދަލުކުރަން އެދޭއިރު، ކުރިން ހުށަހެޅި ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ މަތީ ތަޢުލީމުދޭ މުއައްސަސާއަށް އެއްވެސް ފައިސާއެއް ދައްކައިފައި ވަނިކޮށް ޕްރޮގުރާމު ބަދަލުކުރަން އެދޭ ނަމަ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވުން.

  1. ބަދަލުކުރަން އެދި ހުށަހެޅީ ކިޔަވަން ފެށި ޕްރޮގުރާމުގެ ފުރަތަމަ ސެމެސްޓަރ ނިމުމުގެ ކުރިންކަމުގައި ވުން؛
  2. ދޫކޮށްލާ ޕްރޮގުރާމު ކުރިޔަށްގެންދިޔުމަށް އެހައިތަނަށް ދަރިވަރަށް ސްކޮލަރޝިޕްގެ ދަށުން ކޮށްފައިވާ ޚަރަދުތަކަކީ، ބަދަލުވާ ޕްރޮގުރާމުގެ މުއްދަތަށް ކުރެވުނު ޚަރަދުކަމުގައި ބަލައި، ދޫކޮށްލާ ކޯހުގައި ކިޔަވައިފައިވާ މުއްދަތު، ބަދަލުވާ ކޯހުގެ ޖުމުލަ މުއްދަތުން އުނިކޮށް އެ ކޯހުގެ ޚަރަދުތައް ދިނުމާމެދު، އިއުތިރާޒެއް ނުކުރާކަމަށް ދަރިވަރު އެއްބަސްވުން؛
  3. ޕްރޮގުރާމު ބަދަލުކުރަންޖެހޭ ސަބަބު، އެކަން ކުރުން މުހިންމުކަމަށް ބާރުދޭ ކަމާ ގުޅޭގޮތުން ކިޔަވާ މަރުކަޒުން ދޫކޮށްފައިވާ ލިޔުންތަކާއި، ސަބަބަކީ ޞިއްޙީ ހާލަތެއް ނުވަތަ ނަފުސާނީ ހާލަތެއް އެ ދަރިވަރަކަށް މެދުވެރިވެގެން ދިމާވި ކަމެއް ނަމަ އެކަން ސާބިތުކޮށްދިނުމަށް ޓަކައި ހުށަހަޅާ މެޑިކަލް ސެޓްފިކެޓުތަކާއި މި ނޫންވެސް މެޑިކަލް ސޯޝަލް ރިޕޯޓާއި ރަސްމީ ފަރާތްތަކުގެ ލިޔުންތަކާއެކު ހުށަހަޅައިފައި އޮތުން.
  4. ޕްރޮގްރާމު ބަދަލުކުރާ ފުރަތަމަ ފަހަރު ކަމުގައި ވުން.
  5. ދޫކޮށްލާ ޕްރޮގްރާމު ފުރިހަމަކުރަން ހިނގާނެ ޚަރަދަށް ވުރެ ބަދަލުވާ ކޯހުގެ ޖުމުލަ ޚަރަދު ބޮޑުނުވާނެ ޕްރޮގްރާމަކަށް ވުން.

 

15 ވަނަ މާޢްދާ - ދަރިވަރު ކޯހުން ފެއިލްވެއްޖެ ނަމަ ޢަމަލުކުރާނެ ގޮތް

(ހ) ސްކޮލަރޝިޕްގައި ކިޔަވަމުންދާ ދަރިވަރަކު، މަޤުބޫލު ސަބަބެއްނެތި، ކޯހުން ވަކިވެއްޖެ ނަމަ ނުވަތަ ކޯހުގެ ޔުނިޓަކުން ފެއިލްވެއްޖެ ނަމަ ފެއިލްވި މޮޑިއުލުގައި އަލުން ބައިވެރިވުމަށް ހިނގާ ޚަރަދު ހަމަޖައްސަންޖެހޭނީ އެ ދަރިވަރު އަމިއްލަޔަށެވެ. އަދި މިގޮތުން ޕްރޮގްރާމު ފުރިހަމަކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ވުރެ ކޯހުގެ ހުރިހާ މޮޑިއުލެއް ފުރިހަމަކުރަން ނަގާ މުއްދަތު އިތުރުވެއްޖެ ނަމަ އެ މުއްދަތުގައި ސްޓައިޕެންޑުގެ ގޮތުގައި ކުރަންޖެހޭ ޚަރަދު ވެސް ހަމަޖައްސަންޖެހޭނީ އެ ދަރިވަރު އަމިއްލަޔަށެވެ.

(ށ) ސްކޮލަރޝިޕްގައި ކިޔަވަމުންދާ ދަރިވަރަކު މާއްދާއަކުން ނުވަތަ މާއްދާތަކަކުން ފެއިލްވެފައިވަނީ އޭނާގެ އަމިއްލަ އިޚުތިޔާރާއި ބާރުގެ ބޭރުން ހިނގާ ކަމެއްގެ ސަބަބުންކަމަށް ވެފައި، އެއީ މަޤުބޫލު އުޒުރެއްކަމަށް މިނިސްޓްރީއަށް ފެނިއްޖެ ނަމަ އެ މާއްދާއެއްގައި ނުވަތަ މާއްދާތަކުގައި އިތުރު 1 (އެކެއް) ފަހަރު އަލުން ބައިވެރިވުމަށް ހުއްދަ ދެވިދާނެއެވެ. އަދި މި ވަދަ ސަބަބަށް ހުރެ މާއްދާއެއްގައި ނުވަތަ މާއްދާތަކެއްގައި އަލުން ބައިވެރިވާން ޖެހިގެން، މުޅި ކޯސް ފުރިހަމަކުރުމަށް ފުރަތަމަ ކަނޑައަޅައިފައިވާ މުއްދަތަށް ވުރެ އިތުރު ވަގުތު ހޭދަކުރަންޖެހޭ ނަމަ، އެންމެ އަވަސް މުއްދަތެއްގައި ނިންމުމަށް ހޭދަވާ މުއްދަތަކަށް ސްޓައިޕެންޑާއި ކޯސްފީގެ ޚަރަދު ދެވިދާނެއެވެ. މި ގޮތުން ކޯހުގެ އަސްލު މުއްދަތަށް ވުރެ އިތުރު ވަގުތު ހޭދަކުރަންޖެހޭ ނަމަ ގިނަވެގެން ދެވޭނީ، 12 (ބާރަ) މަސްދުވަހަށް ހިނގާނެ ޚަރަދެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދަރިވަރަކު މާއްދާއަކުން ފާސްނުވުމުގައި، މަޤުބޫލު ސަބަބެއް އޮތްކަމަށް މިނިސްޓްރީން ކަނޑައަޅާނީ އެ މާއްދާއަކުން ފެއިލްވާން ދިމާވި ސަބަބަކީ ދަރިވަރުގެ އަމިއްލަ އިޚުތިޔާރާއި ބާރުގެ ބޭރުން ހިނގައިފައިވާ ކަމެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން ކަމާބެހޭ ހެކިތަކާއި ކަމާ ގުޅޭގޮތުން ކިޔަވާ މަރުކަޒުން ދޫކޮށްފައިވާ ލިޔުންތަކާއި، އެ ސަބަބަކީ ޞިއްޙީ ހާލަތެއް ނުވަތަ ނަފުސާނީ ހާލަތެއް އެ ދަރިވަރަށް މެދުވެރިވެގެން ދިމާވި ކަމެއް ނަމަ އެކަން ސާބިތުކޮށްދިނުމަށް ޓަކައި ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ޑޮކްޓަރ ލިޔެދޭ ސެޓްފިކެޓްތަކާއި، މި ނޫންވެސް ޑޮކްޓަރ ނުވަތަ ސޯޝަލް ރިޕޯޓުގެ މައްޗަށް ބިނާކޮށެވެ.

(ރ) އެއްވެސް ސަބަބަކާހުރެ، ތަޢުލީމު ހާސިލުކުރަމުންދާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދަރިވަރު ވަކިކޮށްފި ނަމަ ނުވަތަ މަޤްބޫލު އުޒުރަކާ ނުލައި ކޯހުން ދަރިވަރު ފެއިލްވެއްޖެ ނަމަ ނުވަތަ ދަރިވަރު އަމިއްލައަށް ކޯހުގައި ކިޔެވުން ހުއްޓައިލައިފި ނަމަ، 12 ފެބުރުވަރީ 2020 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ "މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި ޚިދުމަތް ނުކުރާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތުގެ އުސޫލު" ގައިވާ ގޮތުގެ މަތީން އެ ދަރިވަރަކާމެދު ޢަމަލުކުރެވޭނެއެވެ.

 

16 ވަނަ މާޢްދާ - ކޯސް ނިންމުމަށްފަހު ޚިދުމަތްކުރުން

(ހ) މި އުސޫލުގެ ދަށުން ސްކޮލަރޝިޕް ލިބިގެން ކިޔަވާ ދަރިވަރުން، ތިރީގައި ބަޔާންވެގެންވާ ގޮތުގެ މަތީން ސަރުކާރަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން ދިވެހިރާއްޖެއަށް ޚިދުމަތް ކުރަން ވާނެއެވެ.

  1. ރާއްޖެއިން ބޭރުގައި ތަމްރީނު ދެވޭ ފަރާތެއް ނަމަ، އަދި އެ ކޯހުގެ މުއްދަތަކީ 4 (ހަތަރެއް) އަހަރުދުވަހާ 2 (ދޭއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއް ނަމަ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ޚިދުމަތްކުރުން؛
  2. ރާއްޖެއިން ބޭރުގައި ތަމްރީނުވާ ފަރާތެއް ނަމަ، އަދި އެ ކޯހުގެ މުއްދަތަކީ 4 (ހަތަރެއް) އަހަރުދުވަހަށް ވުރެ ދިގު މުއްދަތެއް ނަމަ، 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތަށް ޚިދުމަތްކުރުން؛
  3. ރާއްޖޭގައި ތަމްރީނުދެވޭ ފަރާތެއް ނަމަ، އަދި އެ ކޯހުގެ މުއްދަތަކީ 18 (އަށާރަ) މަސްދުވަހަށް ވުރެ ދިގު މުއްދަތެއް ނަމަ، 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތަށް ޚިދުމަތްކުރުން؛
  4. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޯހުގެ މުއްދަތު ގުނުމުގައި، ކޯހުގެ ބައެއްގެ ގޮތުގައި ލާޒިމްކޮށްގެން ބައިވެރިވާ އިންޓަރންޝިޕްގެ މުއްދަތު ވެސް ހިމެނޭނެއެވެ.

(ށ) ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ކޯސް ފުރިހަމަކުރާތާ ލަސްވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މި މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ ގޮތަށް ޚިދުމަތްކުރަން ފަށަންވާނެއެވެ. އަދި ވަޒީފާ އަދާކުރާ ތަނާއި، ވަޒީފާ އަދާކުރަން ފެށި ތާރީހާއި މަގާމު، އެނގޭނޭހެން ލިއުމުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ޕޯޓަލެއް މެދުވެރިކޮށް، މިނިސްޓްރީއަށް އެކަން، އަންގަންވާނެއެވެ. އަދި ޚިދުމަތްކުރަންޖެހޭ މުއްދަތުގެ ތެރޭގައި ވަޒީފާއިން، ވަކިވެއްޖެ ނަމަ ނުވަތަ ވަޒީފާއަށް އެއްވެސް ބަދަލެއް އަތުވެއްޖެ ނަމަ، ލަސްވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެކަން މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 6 (ހައެއް) މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ތަނަކުން ވަޒީފާއެއް ހަމަޖެހިފައި ނުވާ ނަމަ، ވަޒީފާއެއް ހޯދަން ކުރި މަސައްކަތުގެ ތަފުސީލާއެކު މިނިސްޓްރީއަށް އަންގަންވާނެއެވެ. މިފަދަ ހާލަތުގައި ދަރިވަރާ އެކަށީގެންވާ ވަޒީފާއެއް ހޯދައިދިނުމުގައި މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މިގޮތުން، މިނިސްޓްރީ މެދުވެރިކޮށް ފަހިކޮށްދެވޭ ވަޒީފާގެ ފުރުޞަތުގެ ބޭނުންހިފުމަށް ދަރިވަރު އެއްބަސްވާންވާނެއެވެ.

(ރ) ޚިދުމަތްކުރުމަށް ކަނޑައަޅައިފައިވާ މުއްދަތުގައި، އަންނަނިވި ސަބަބުންކުރެ ސަބަބެއް ދިމާވެއްޖެ ނަމަ، ސަބަބު ބަޔާންކޮށް، ހެއްކާއެކު ލިޔުމުން، މިނިސްޓްރީއަށް އެކަން ހުށަހެޅުމުން، އެއީ މަޤުބޫލު ސަބަބެއްކަމަށް މިނިސްޓްރީއަށް ފެނިއްޖެ ހާލަތުގައި ޚިދުމަތުގެ މުއްދަތު ފަސްކުރެވިދާނެއެވެ.

  1. ޚިދުމަތްކުރަން ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި އެހެން ކޯހެއްގައި ނުވަތަ ތަމްރީނެއްގައި ބައިވެރިވުމަށް، އެ ޕްރޮގުރާމެއް ފުރިހަމަކުރުމަށް ހިނގާ މުއްދަތަށް؛
  2. ޞިއްޙީ މައްސަލައެއްގެ ސަބަބުން، ދިގު މުއްދަތަކަށް މަސައްކަތަށް ނުކުތުމަށް އުޒުރުވެރިވާ ފަދަ މަޤުބޫލު ހާލަތެއް ދިމާވުމުން، އަނބުރާ ވަޒީފާ އަދާކުރެވޭ ފަދަ ހާލަތަކަށް ބަދަލުވަންދެން އެ މުއްދަތަށް؛
  3. ޢާއިލީގޮތުން، ތިމާ ބަލަހައްޓަންޖެހިފައިވާ ކުއްޖަކު ނުވަތަ މީހަކު ބެލެހެއްޓުމަށް މަޤުބޫލު ސަބަބެއް އޮވެގެން، ވަޒީފާއެއް އަދާކުރުމަށް އުޒުރުވެރިވާ ހާލަތުގައި، އެ މުއްދަތަށް.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޚިދުމަތުގެ މުއްދަތު ގުނާނީ، ކޯސް ފުރިހަމަކުރުމަށްފަހު ފުރަތަމަ އަދާކުރާ ވަޒީފާގައި މަސައްކަތް ފަށާ ދުވަހުން ފެށިގެންނެވެ. މި ގޮތަށް މުއްދަތު ގުނުމުގައި 2 (ދޭއް) ވަޒީފާއެއްގެ ދޭތެރޭ 3 (ތިނެއް) މަސްދުވަހަށް ވުރެ އިތުރުނުވާގޮތަށް، ވަޒީފާ މެދުކެނޑިފައިވާ ދުވަސްތައް ވެސް ހިމެނޭނެއެވެ. ނަމަވެސް، 3 (ތިނެއް) މަސްދުވަހަށް ވުރެ ދިގު މެދުކެނޑުމެއް އަތުވެއްޖެ ނަމަ، ޚިދުމަތުގެ މުއްދަތު ގުނާނީ، އެ މެދުކެނޑުނު ދުވަސްތައް ނުހިމަނައެވެ. ވަޒީފާގައި ހުރެގެން މުސާރަ ނުލިބޭގޮތަށް 3 (ތިނެއް) މަސްދުވަހަށް ވުރެ އިތުރުވާގޮތަށް ނަގާ ޗުއްޓީ (ނޯ ޕޭ ލީވް) ގެ މުއްދަތު ވެސް ޚިދުމަތުގެ މުއްދަތުގެ ތެރޭގައެއް ނުގުނޭނެއެވެ.

 

17 ވަނަ މާއްދާ - ހިދުމަތްނުކުރާ ފަރާތްތަކުން، އަނބުރާ ފައިސާ ދެއްކުން

މި އުސޫލުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޚިދުމަތްނުކުރާ ފަރާތްތަކަށް ސްކޮލަރޝިޕުން ކޮށްފައިވާ ޚަރަދު، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ސަރުކާރަށް އަނބުރާ ދައްކަންވާނެއެވެ.

(ހ) މި އުސޫލުގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ޚިދުމަތްކުރަން ފަށައިފައިނުވާ ދަރިވަރުންނަށް، ސްކޮލަރޝިޕްގެ ދަށުން، ކޮށްފައިވާ ޚަރަދު ބަލާނީ އެއީ ދަރިވަރުން އަނބުރާ ދައްކަންޖެހޭ ލޯނެއްގެ ގޮތުގައެވެ. މިގޮތުން ދަރިވަރަށް ސްކޮލަރޝިޕް ހަމަޖައްސާއިރު، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ސްކޮލަރޝިޕަށްފަހު ޚިދުމަތްނުކުރާ ހާލަތުގައި އެ ފައިސާއަކީ އަނބުރާ ދައްކަންޖެހޭ ފައިސާއެއް ކަމަށް ދަރިވަރު އިޤުރާރުވާން ވާނެއެވެ.

(ށ) ފައިސާ އަނބުރާ ދެއްކުމުގައި ޢަމަލުކުރާނީ، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލާ، އެއްގޮތްވާ ގޮތުގެ މަތީންނެވެ. މި ގޮތުން ފައިސާ އަނބުރާ ދައްކައި ޚަލާޞްކުރަންޖެހޭ ޖުމުލަ މުއްދަތާއި ކޮންމެ މަހަކު ދައްކަންޖެހޭ ފައިސާގެ މިންވަރު މިނިސްޓްރީން ކަނޑައަޅާނީ، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލާ، އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) މި އުސޫލުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު މުޅިން ފުރިހަމަނުކޮށް އެ މުއްދަތުން ބައެއްގައި ޚިދުމަތްކޮށްފި ނަމަ، ލޯނުގެ ގޮތުގައި އަނބުރާ ދައްކަންޖެހޭ މިންވަރު ކަނޑައަޅާނީ ޚިދުމަތްކުރި މުއްދަތަށް ސްކޮލަރޝިޕްގެ ޖުމުލަ ޚަރަދުން، ޚިދުމަތްކުރަންޖެހޭ ޖުމުލަ މުއްދަތުގެ ނިސްބަތުން ޚިދުމަތްކުރި މުއްދަތު އުނިކުރުމަށްފަހު، ޚިދުމަތްނުކޮށް ދޫކޮށްލާ މުއްދަތަށް ޖެހޭ މިންވަރެވެ.

 

18 ވަނަ މާޢްދާ - މި އުސޫލުގައި ނެތްކަމެއް ދިމާވުން

މި އުސޫލުގައި، ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއް ނިންމާނީ މި އުސޫލުގައި ކަނޑައަޅައިފައިވާ ހަމަތަކާއި އަސާސްތަކާ ޚިލާފުނުވާ ގޮތުގެ މަތީން، މިނިސްޓްރީންނެވެ.

 

19 ވަނަ މާޢްދާ - މާނަކުރުން

މި އުސޫލުގައި ވަކި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަ، އަންނަނިވި ޢިބާރާތްތަކާއި ލަފްޒުތަކަށް ދީފައިވާ މާނަ ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ. 

(ހ) "ސްކޮލަރޝިޕް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މަތީ ސާނަވީ އިމްތިޙާނުތަކުން އެންމެ މަތީ ދަރަޖައިގައި ފާސްވެފައިވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕަށެވެ.

(ށ) "ޕްރޮފެޝަނަލް ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ލައިސަންސް ލިބިގެން ނުވަތަ ހުއްދަ ލިބިގެން މަސައްކަތްކުރަންޖެހޭ ދާއިރާތަކުގައި، އެފަދަ މަސައްކަތްތައް ފަންނީ ގޮތެއްގައި ކުރުމަށް ލައިސަންސް ނުވަތަ ހުއްދަ ލިބޭ ފެންވަރުގެ ސަނަދުތަކަށެވެ.

(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނާ ގުޅޭ ކަންކަމަށް ޒިންމާވާ ވުޒާރާއަށެވެ.

(ރ) "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން ދަރިވަރު ކިޔަވަންދާ، މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒަށެވެ.

(ބ) "ފުރަތަމަ ޑިގްރީ" ނުވަތަ "ބެޗިލަރސް ޑިގްރީ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވާރކުގެ ލެވެލް 7 ގެ ޑިގްރީ ފެންވަރުގެ ސަނަދެއްކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ކަނޑައަޅާ ސަނަދަށެވެ.

(ޅ) "މާސްޓަރސް ޑިގްރީ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވާރކުގެ ލެވެލް 9 ގެ ޑިގްރީ ފެންވަރުގެ ސަނަދެއްކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ކަނޑައަޅާ ސަނަދަށެވެ.

(ކ) "މޮޑިއުލް" ކަމަށް ބުނެފައި އެވަނީ، ދަރިވަރު ކިޔަވާ ޕްރޮގްރާމުގައި، ވަކިވަކި މާއްދާތަކުގެ ގޮތުގައި ހަދަންޖެހޭ ޔުނިޓްތަކަށެވެ.

(އ) "ދަރިވަރު" ކަމަށް ބުނެފައި އެވަނީ، މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހޮވިފައިވާ ދަރިވަރުންނަށެވެ.

(ވ) "ޕްރޮގްރާމް" ނުވަތަ "ކޯސް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ސްކޮލަރޝިޕްގެ ދަށުން ދަރިވަރު ބައިވެރިވާ ޕްރޮގްރާމުތަކަށެވެ.

(މ) "ސްކީމް" ކަމަށް ބުނެފައި އެވަނީ، މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕަށެވެ.

 

20 ވަނަ މާޢްދާ - އުސޫލަށް ޢަމަލުކުރުން

މި އުސޫލަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

 

21 ވަނަ މާޢްދާ - ކުރީގެ އުސޫލު އުވައިލުން

މި އުސޫލަށް ޢަމަލުކުރަން ފެށުމާއެކު 30 މާރިޗު 2026 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ މި މިނިސްޓްރީގެ އުސޫލު ނަންބަރު 2026-10 (މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕްގެ އުސޫލު) އުވުނީއެވެ.

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 2021-07)

 

އުވައިލެވޭ އުސޫލު

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު