-

މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ ސްކޮލަރށިޕްގެ އުސޫލު

(އުސޫލު ނަންބަރު 2026-10)

(މި އުސޫލަށް އަމަލުކުރަން ފެށީ 30 މާރިޗު 2026 ގައި)

(މި އުސޫލުގެ 21 ވަނަ މާއްދާއިން ވަނީ އުސޫލު ނަންބަރު 2024-45 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި އުސޫލަކީ، ދިވެހިރާއްޖޭގެ މަތީ ސާނަވީ އިމްތިހާނުތަކުން އެއްވަނަ ދަރަޖައިގައި ފާސްވެފައިވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ ސްކޮލަރށިޕް ސްކީމާ ގުޅޭ ކަންކަން ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2021-07 (މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ (ކ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ، "މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ ސްކޮލަރށިޕްގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި އުސޫލުގެ މަގްސަދަކީ މަތީ ސާނަވީ ފެންވަރަށް ދަރިވަރުން ކިޔެވުމަށް ބާރުއަޅައި، ދަރިވަރުންގެ ގާބިލިއްޔަތާ އެކަށޭނަ އެންމެ މަތީ ދިރާސީ ނަތީޖާ ހޯދުމަށް ހިތްވަރުދިނުމަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާ ދޭ ސްކޮލަރށިޕްގެ ކަންކަން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ކުރިޔަށް ގެންދިއުމަށް ޓަކައި އެކަމާ ގުޅޭ އެންމެހައި އިޖުރާތުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ސްކޮލަރށިޕްގެ ށަރުތު

މި އުސޫލުގެ ދަށުން ސްކޮލަރށިޕް ފުރުސަތު ދޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ދަރިވަރުންނަށެވެ:

(ހ) މަތީ ސާނަވީ އިމްތިހާނުތަކުން އެއްވަނަ ދަރަޖައިގައި ފާސްވެފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭށަނުން ކަނޑައަޅާ އަންނަނިވި ދެ (2) ނަތީޖާއިން ކުރެ ނަތީޖާއެއް ހޯދައިފައިވާ ދަރިވަރަކަށް ވުން

  1. މަތީސާނަވީ އިމްތިހާނުގައި އެ ދަރިވަރު ބައިވެރިވި އޭލެވެލްގެ ނުވަތަ "އޭލެވެލްއާ އެއްފެންވަރުގެ" 3 (ތިނެއް) މާއްދާއިންނާއި، 2 (ދޭއް) ދިވެހި ރިޕޯޓްކާޑް "ދިވެހި""އިސްލާމް" މި 2 (ދޭއް) މާއްދާ ދިވެހި ރިޕޯޓްކާޑް "އޭ*" (އޭ ސްޓާރ) ގްރޭޑު ހާސިލުކޮށްފައި ވުން: ނުވަތަ
  2. ށަހާދާ ޘާނަވިއްޔާ އިމްތިހާނުގެ އެ ދަރިވަރަކު ކިޔެވި ސްޓްރީމް (ގިސްމު) ގައި ކިޔަވަންޖެހޭކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭށަނުން ކަނޑައަޅައިފައިވާ ހުރިހާ މާއްދާއަކުން "އޭ*" (އޭ ސްޓާރ) ގްރޭޑު ލިބިފައިވުމާއެކު، "ދިވެހި" މާއްދާއިން "އޭ*" (އޭ ސްޓާރ) ގްރޭޑު "ހާސިލުކޮށްފައިވުން

(ށ) ރާއްޖޭގެ މަތީސާނަވީއަށް ކިޔަވައިދޭ ސްކޫލެއްގެ ގްރޭޑު 12 ފުރިހަމަކޮށްފައިވާ ދަރިވަރަކަށް، ވުން.

(ނ) ދިވެހި ރައްޔިތެއް ކަމުގައި ވުން.

(ރ) އޯލެވެލް ނުވަތަ އޯލެވެލްއާ އެއްފެންވަރުގެ ނުވަތަ އެޔަށް ވުރެ މަތީ ފެންވަރުގެ ބައެއް ތިރީގައި، ދަށްވެގެން "ސީ" ގްރޭޑު ލިބިފައިވާ ދަރިވަރަކަށް، ވުން.

 

4 ވަނަ މާއްދާ - ސްކޮލަރށިޕްގެ ދަށުން ކިޔެވޭނެ ލެވެލްއާއި މުއްދަތު

(ހ) ސްކޮލަރށިޕްގެ ދަށުން ފުރުސަތު ދޭނީ، ތިރީގައި ބަޔާންކޮށްފައިވާ ޕްރޮގްރާމުތަކުގެ ތެރެއިން ޕްރޮގްރާމެއް ފުލްޓައިމްކޮށް ކިޔެވުމަށެވެ.

  1. 3 (ތިނެއް) އަހަރުދުވަހުގެ ނުވަތަ 4 )ހަތަރެއް( އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ފުރިހަމަކުރާ ބެޗިލަރސް ޑިގުރީ ނުވަތަ ބެޗިލަރސް ޑިގުރީ ވިތު އޮނަރސް ޕުރޮގުރާމުތައް؛ ނުވަތަ 
  2. ގިނަވެގެން 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ފުރިހަމަކުރާ ބެޗިލަރސް ފެންވަރުގެ ޑަބަލް ޑިގްރީގެ ޕްރޮގްރާމުތައް؛ ނުވަތަ
  3. 3 (ތިނެއް) އަހަރުދުވަހުގެ ޑިގްރީއަކާއެކު، އިތުރު 1 (އެކެއް) އަހަރުދުވަހުން ފުރިހަމަކުރާ ބެޗިލަރސް ވިތު އޮނަރސް ޕްރޮގްރާމުތައް؛ ނުވަތަ
  4. ކިޔެވުމާއި، އިންޓަރންށިޕް ހިމެނޭގޮތަށް ގިނަވެގެން 6 (ހައެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، ފުރިހަމަކުރާ، މެޑިސިން ނުވަތަ ޑެންޓިސްޓްރީގެ ބެޗިލަރސް ޑިގްރީ ޕްރޮގުރާމުތައް ނުވަތަ
  5. 3 (ތިނެއް) އަހަރުދުވަހުގެ، 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، ބެޗިލަރސް ޑިގްރީއަކާއެކު ފުރިހަމަކުރާ ޕްރޮފެށަނަލް ލައިސަންސް ޕްރޮގުރާމުތައް ނުވަތަ
  6. ފުރަތަމަ ޑިގްރީގެ ބައިތައް ހިމެނޭ ގޮތަށް 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ސީދާ މާސްޓަރސް ޑިގްރީއެއް ލިބޭގޮތަށް، ފުރިހަމަކުރާ ޕްރޮގުރާމުތައް ނުވަތަ
  7. (7) 3 (ތިނެއް) އަހަރުދުވަހުގެ ބެޗިލަރސް ޑިގްރީން ފާސްވެފައިވަނީ ޔުނިވަރސިޓީން ކަނޑައަޅާ އެންމެ މަތީ ގިންތީގައި ކަމުގައިވާ ނަމަ، ފުރަތަމަ ޑިގްރީގެ ކިޔެވުން ނިންމުމަށްފަހު، ޔުނިވަރސިޓީގައި 1 (އެކެއް) އަހަރުދުވަހުގެ، މާސްޓަރސް ޑިގްރީއެއް ފުރިހަމަކުރާ ޕްރޮގުރާމުތައް؛

    މި ނަންބަރުގެ ދަށުން، ބަޔާންކޮށްފައިވާ ފުރުސަތު ދެވޭނީ، 2026 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ސްކޫލް ދަރުސާތަކުން ގުރޭޑު 12 ނިންމައި، ޘާނަވީ އިމްތިހާނުގައި، ބައިވެރިވެ ސްކޮލަރށިޕް ހާސިލުކުރާ ދަރިވަރުންނަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްރޮގުރާމްތަކުގައި ކިޔަވާ ދަރިވަރުންގެ ކޯހުގެ ބައެއްގެ ގޮތުގައި ކޮންމެހެން ފުރިހަމަކުރަންޖެހޭކަމަށް ކަނޑައަޅައިފައިވާ، ޖުމުލަ 1 (އެކެއް) އަހަރުދުވަހަށް ވުރެ ދިގުނޫން އިންޓަރންށިޕް ޕްރޮގުރާމުތަކަށް ސްކޮލަރށިޕްގެ ދަށުން ފުރުސަތު ދެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން 3 (ތިނެއް) އަހަރުދުވަހުގެ، ޑިގްރީއަކާއެކު، އިތުރު 1 (އެކެއް) އަހަރުދުވަހުން، ބެޗިލަރސް ވިތު އޮނަރސް ޕްރޮގުރާމު ފުރިހަމަކުރަން ހުށަހަޅާ ނަމަ، ސްކޮލަރށިޕަށް އެޕްލިކޭށަން ހުށަހަޅާއިރު، ފުރަތަމަ ކިޔަވަން ފަށާ ޑިގްރީގެ އިތުރުން ކިޔަވަން ގަސްތުކުރާ އޮނަރސް ޑިގްރީގެ ތަފުސީލު ވެސް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ސްކޮލަރށިޕްގެ ދަށުން މާސްޓަރސް ޑިގްރީގެ ފެންވަރަށް ކިޔަވަން ގަސްތުކުރާ ނަމަ ސްކޮލަރށިޕަށް އެޕްލިކޭށަން ހުށަހަޅާއިރު، ފުރަތަމަ ކިޔަވަން ފަށާ ޑިގްރީގެ އިތުރުން މަތީ ފާހާއެކު އިތުރަށް ކިޔެވުމަށް ފުރުސަތު ލިބިއްޖެ ނަމަ ކިޔަވަން ގަސްތުކުރާ މާސްޓަރސް ޕްރޮގްރާމްގެ ތަފުސީލު ވެސް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިންޓަރންށިޕެއްގައި ބައިވެރިވާ ދަރިވަރުން އެ ކޯހުގެ ބައެއްގެ ގޮތުގައި ނުވަތަ ކޯހުގެ ސަނަދު ހާސިލުކުރުމަށް އިންޓަރންށިޕް ފުރިހަމަކުރަންޖެހޭކަމުގެ ތަފުސީލު، އިންޓަރންށިޕް ފުރިހަމަކުރަން ފެށުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅައި، އެކަމުގެ ހުއްދަ ހޯދަންވާނެއެވެ. މި އުސޫލުގެ 7 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ހަރަދުތަކަށް ސްކޮލަރށިޕްގެ ދަށުން ފައިސާ ދޫކުރާނީ، އިންޓަރންށިޕް ފުރިހަމަކުރަންޖެހޭކަމުގެ ތަފުސީލު، އިންޓަރންށިޕް ފުރިހަމަކުރަން ފެށުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅައި، ހުއްދަ ހޯދާ ދަރިވަރުންނަށެވެ.

 

5 ވަނަ މާޢްދާ - ކިޔަވަން ދެވޭނެ ގައުމާއި މަރުކަޒު

(ހ) ސްކޮލަރށިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދެވޭނީ ދިވެހިރާއްޖޭގައި ހުރެގެން ކިޔެވުމަށާއި، ރާއްޖެއާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކުގެ ތެރެއިން، ދަރިވަރުން ކިޔަވަން ތިބުމަށް ރައްކާތެރިކަމަށް ކަނޑައެޅިފައިވާ ގައުމުތަކުގައި، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި ކިޔެވުމަށެވެ.

(ށ) 2 (ދޭއް) މަރުކަޒެއް ގުޅިގެން އެއް ގައުމަށް ވުރެ ގިނަ ގައުމުގައި ކިޔަވާ ގޮތަށް ހަމަޖެހިފައިވާ "ޓްވިނިންގ" ޕްރޮގްރާމުތަކުގައި ކިޔެވުމަށް ދަރިވަރުންނަށް ފުރުސަތު ދެވިދާނެއެވެ.

(ނ) މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި، 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިންޓަރންށިޕް، ދަރިވަރުގެ ޕްރޮގްރާމު ފުރިހަމަކުރާ ގައުމުގައި ކުރިޔަށްގެންދެވެން ނެތް ހާލަތެއްގައި ނުވަތަ އެ ގައުމަށް ވުރެ ހަރަދުކުޑަކޮށް އެހެން ގައުމެއްގައި އިންޓަރންށިޕް ހެދެން އޮތް ނަމަ، މިނިސްޓްރީގެ ހުއްދަޔާއެކު ދިވެހިރާއްޖޭގައި ނުވަތަ އެހެން ގައުމެއްގައި އިންޓަރންށިޕް ފުރިހަމަކުރުމުގެ ފުރުސަތު ދެވިދާނެއެވެ.

 

6 ވަނަ މާއްދާ - ސްކޮލަރށިޕްގެ ދަށުން ދެވޭ ހަރަދުތައް

(ހ) މި އުސޫލުގެ ދަށުން، ސްކޮލަރށިޕްގެ ފުރުސަތު ދެވޭނީ، އެ ވަގުތަށް، މިނިސްޓްރީން ށާއިއުކޮށް އާންމުކޮށްފައިވާ ރާއްޖޭގެ ޓްރެއިނިންގ ނީޑްސް ރިކްއަޔަރމަންޓް ލިސްޓުގައި ހިމެނިފައިވާ ދާއިރާތަކުން ކިޔެވުމަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ސްކޮލަރށިޕްގެ ފުރުސަތު ދެވޭނީ، އެ ވަގުތަށް، މިނިސްޓްރީން ށާއިއުކޮށް އާންމުކޮށްފައިވާ ރާއްޖޭގެ ޓްރެއިނިންގ ނީޑްސް ރިކުއަޔަރމަންޓް ލިސްޓުގައި ހިމެނިފައިވާ ދާއިރާތަކުން ކަމުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، 2025 ވަނަ އަހަރު ދިވެހިރާއްޖޭގެ ސްކޫލް ދަރުސާތަކުން ގުރޭޑު 12 ނިންމައި، ސާނަވީ އިމްތިހާނުގައި ބައިވެރިވެ ސްކޮލަރށިޕް ހާސިލުކުރާ ދަރިވަރުން ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ދެވޭނެއެވެ.

 

7 ވަނަ މާއްދާ - ސްކޮލަރށިޕްގެ ދަށުން ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ހަރަދުތައް ކުރުމަށެވެ.

(ހ) ދަތުރުގެ ހަރަދު

ދަރިވަރުގެ ދިރިއުޅުން އާންމުކޮށް ހަމަޖެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރި މަރުކަޒަކަށް ކިޔަވަން ދާ ނަމަ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދަތުރުގެ ހަރަދު ހަމަޖައްސައިދެވޭނެއެވެ.

  1. ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ކިޔަވާ ނަމަ، އެ މަރުކަޒު ހުރީ، ދަރިވަރު ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައިކަމަށް ވާ ނަމަ، އެ މަރުކަޒު ހުރި ރަށަށް ކިޔެވުން ފަށަން ދިއުމާއި، ކޯސް ނިމުމުން، އަނބުރާ އައުމަށް އެންމެ އަގުހެޔޮ ރޫޓަކުން، ވައިގެ މަގުން ނުވަތަ ކަނޑުމަގުން ކުރާ ދަތުރުގެ ޓިކެޓުގެ ހަރަދު.
  2. ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ކިޔަވާ ނަމަ، ކޮންމެ ދިރާސީ އަހަރެއް ނިމުމުން އަހަރީ ޗުއްޓީގައި، ދަރިވަރު ދިރިއުޅޭ ރަށަށް ދިއުމާއި އެނބުރި އައުމަށް، އެންމެ އަގުހެޔޮ ރޫޓަކުން، ވައިގެ މަގުން ނުވަތަ ކަނޑުމަގުން ކުރާ ދަތުރުގެ ޓިކެޓުގެ ހަރަދު.
  3. ދިވެހިރާއްޖެއިން ބޭރަށް ކިޔަވަންދާ ނަމަ، މާލެއިން ނުވަތަ އެ ދަރިވަރަކު ދިރިއުޅެމުންދާ ރަށުން އެ ދަރިވަރު ކިޔަވާ މަރުކަޒު ހުރި ގައުމަށް ކިޔެވުން ފަށަން ދިއުމާއި، ކޯސް ނިމުމުން ނުވަތަ އިންޓަރންށިޕް ނިމުމުން އަނބުރާ އައުމަށް ވައިގެ މަގުން، އިކޮނޮމީ ކްލާހުން އެންމެ އަގުހެޔޮ އަދި ކުރު ރޫޓަކުން ކުރާ ދަތުރުގެ ޓިކެޓުގެ ހަރަދު؛
  4. ޓްވިނިންގ ޕުރޮގުރާމެއް ފުރިހަމަކުރާ ދަރިވަރުން އެ ދަރިވަރު ފުރަތަމަ ކިޔަވަން ފަށާ ގައުމުން، ދެވަނައަށް ކިޔަވަންދާ ގައުމަށް ވައިގެ މަގުން، އިކޮނޮމީ ކްލާހުން، އެންމެ އަގުހެޔޮ އަދި ކުރު ރޫޓަކުން ކުރާ ދަތުރުގެ އެއްކޮޅު ޓިކެޓުގެ ހަރަދު؛
  5. އިންޓަރންށިޕް ފުރިހަމަކުރާ ދަރިވަރުން، އިންޓަރންށިޕް ފުރިހަމަކުރަނީ ކިޔެވި ގައުމު ނޫން އެހެން ގައުމެއްގައި ނަމަ، ކިޔެވި ގައުމުން އިންޓަރންށިޕް ފުރިހަމަކުރުމަށް ދާ ގައުމަށް ވައިގެ މަގުން، އިކޮނޮމީ ކްލާހުން، އެންމެ އަގުހެޔޮ އަދި ކުރު ރޫޓަކުން ކުރާ ދަތުރުގެ އެއްކޮޅު ޓިކެޓުގެ ހަރަދު؛

(ށ) ކޯސް ރެޖިސްޓްރޭށަން ފީ؛

މިއީ ދަރިވަރު ހަދާ ކޯހުގައި ބައިވެރިވުމަށް ކިޔަވާ މަރުކަޒަށް ރެޖިސްޓްރޭށަން ފީގެ ގޮތުގައި ނުވަތަ އެޑްމިށަން ފީގެ ގޮތުގައި ކޯހަށް ވަންނައިރު ދައްކަންޖެހޭ ފީއެވެ. މި އުސޫލުގެ 4 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ސްކޮލަރށިޕްގެ ދަށުން 2 (ދޭއް) ކޯހެއް ހަދާ ދަރިވަރުންނަށް އެއިން ކޮންމެ ކޯހަކަށް ވެސް ކޯސް ރަޖިސްޓްރޭށަން ފީގެ ހަރަދު ދެވޭނެއެވެ.

(ނ) ޓިއުށަން ފީ؛

 މިއީ ދަރިވަރު ކިޔަވާ ކޯހުގެ އެކަޑަމިކް ފީގެ ގޮތުގައި އެ ކޯހަކަށް ކިޔަވާ މަރުކަޒުން ކަނޑައަޅައިފައިވާ ޖުމުލަ ފީއެވެ. މި ފީގެ ތެރޭގައި ކިޔެވުމާ ސީދާ ނުގުޅޭ ކަންކަމުގައި މަރުކަޒުގެ ފަރާތުން ދޭ ހިދުމަތްތަކަށް ނަގާ ފީގެ ހަރަދެއް ނުހިމެނޭނެއެވެ.

  1. ޓިއުށަންފީގެ ފައިސާ ދައްކާނީ، ދަރިވަރު ކިޔަވާ މަރުކަޒުން ކޮންމެ ދިރާސީ އަހަރަކަށް ޖެހޭ ފީގެ އިންވޮއިސް މިނިސްޓްރީއަށް ލިބުމުން، އެ އިންވޮއިސްގައިވާ ގޮތުގެ މަތީންނެވެ. ނަމަވެސް ދަރިވަރު ކިޔަވާ މަރުކަޒުން ޓިއުށަންފީއަށް އިންވޮއިސްކުރަނީ ކޮންމެ ސެމިސްޓަރއަކަށް ވަކިން ކަމުގައިވާ ނަމަ، އެގޮތުގެ މަތީން ވެސް، އެ ފައިސާ ދެއްކުމުގެ ކަންތައް މަޖައްސައިދެވޭނެއެވެ.
  2. ކިޔަވާ މަރުކަޒުގެ ފަރާތުން ޓިއުށަންފީގެ އިންވޮއިސްކުރިކަމާއި، މަރުކަޒަށް ޓިއުށަންފީ ލިބިފައިވާކަން ދަރިވަރު ބަލައި، އެކަމުގެ މައުލޫމާތު މިނިސްޓްރީއަށް ގަވާއިދުން އަންގަމުން ގެންދަންވާނެއެވެ.

(ރ) ސްޓޫޑެންޓް ވިސާ ފީގެ ހަރަދު؛

މިއީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، އެ ދަރިވަރު ކިޔަވަންދާ ގައުމުގައި މަޑުކުރަންޖެހޭ މުއްދަތަށް ނަގަންޖެހޭ ވިސާގެ އެޕްލިކޭށަން ޕްރޮސެސިންގ އާއި ވިސާ ދޫކުރުމަށް ނަގާ ފީ އަށް ދޭ ހަރަދެވެ. ޓްވިނިންގ ޕްރޮގްރާމެއްގެ ދަށުން 2 (ދޭއް) ގައުމެއްގައި ކިޔެވުން ކުރިޔަށްގެންދާ ދަރިވަރުންނަށް، އެ ދެ ގައުމުގެ ވިސާ ފީގެ ހަރަދު ވެސް ދޫކުރެވޭނެއެވެ.

(ބ) ހެލްތު އިންށުއަރެންސް؛

މިއީ ބޭރު ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް، އެ ގައުމުތަކުގައި ތިބޭއިރު ހޯދަންޖެހިދާނެ ސިއްހީ ފަރުވާ އަކަށް، އެ ދަރިވަރަކު ކިޔަވާ މަރުކަޒަކުން ނުވަތަ ވިސާގެ ށަރުތެއްގެ ގޮތުން، އެ ގައުމެއްގެ ސަރުކާރަކުން ކަނޑައަޅައިފައިވާ ކަވަރޭޖެއް ލިބޭގޮތަށް، ކިޔަވަން އެ ގައުމެއްގައި ހުންނަ މުއްދަތަށް ކޮންމެހެން ނަގަންޖެހޭ ހެލްތު އިންށުއަރެންސްގެ ހަރަދެވެ.

މި އިންށުއަރެންސްގެ ކަވަރޭޖުގެ ތެރޭގައި ހިމެނޭ ކަންކަމުގެ އިތުރުން، ދަރިވަރުގެ ސިއްހީ ފަރުވާ އަކަށް މި އުސޫލުގެ ދަށުން ފައިސާގެ އިތުރު އެހީ ނުދެވޭނެއެވެ.

(ޅ) އެސްޓަބްލިށްމަންޓް އެލަވަންސް؛

މިއީ ދަރިވަރު ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ކިޔަވަންދާއިރު، އެ ރަށުގައި ކިޔެވުމަށް ޓަކައި ގާއިމުވުމަށް ކުރާ ހަރަދަށް، ކަނޑައެޅިފައިވާ ރޭޓަކުން 1 (އެކެއް) ފަހަރު ދޭ ފައިސާއެވެ. އެކި ގައުމުތަކަށް ފައިސާ ދިނުމަށް ހަމަޖެހިފައިވާ ރޭޓުތަކުގެ ތަފުސީލު، މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ޓްވިނިންގ ޕްރޮގްރާމު ފުރިހަމަކުރާ ދަރިވަރުންނަށް ވެސް އެސްޓަބްލިށްމަންޓް އެލަވަންސް ދޫކުރެވޭނީ 1 (އެކެއް) ފަހަރު، އެ ދަރިވަރު ކިޔަވަން ހަމަޖެހިފައިވާ ދެ ގައުމުގެ ތެރެއިން ދަރިވަރު އިހްތިޔާރުކުރާ ގައުމެއްގެ ރޭޓުންނެވެ.

(ކ) ސްޓައިޕެންޑް؛

  1. މިއީ ކޮންމެ މަހަކަށް ކަނޑައެޅިފައިވާ ރޭޓަކުން ދަރިވަރު ކިޔަވާ ގައުމުގައި ހުރުމާއި ކެއުމާއި އަސާސީ އެހެނިހެން ހަރަދުތަކަށް ދެވޭ ފައިސާއެކެވެ. އެކި ގައުމުތަކަށް ސްޓައިޕެންޑުގެ ގޮތުގައި ފައިސާ ދިނުމަށް ހަމަޖެހިފައިވާ ރޭޓްތަކުގެ ތަފުސީލު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  2. މި ސްކީމުގެ ދަށުން ދޭ ސްކޮލަރށިޕްގެ ދަށުން ދިވެހިރާއްޖޭގެ މަރުކަޒުތަކުގައި ކިޔެވުން ކުރިޔަށްގެންދާ ދަރިވަރުންނަށް، ދިވެހިރާއްޖެއަށް އާންމުކޮށް ކަނޑައަޅައިފައިވާ ސްޓައިޕެންޑް ރޭޓުގެ އިތުރުން ކޮންމެ މަހަކަށް 6,000/- (ހަ ހާސް) ރުފިޔާގެ ހާއްސަ އެލަވަންސެއް ދެވޭނެއެވެ.
  3. ސްޓައިޕެންޑުގެ ފައިސާ ހަމަޖައްސައިދޭނީ، ދަރިވަރު ކޯހުގެ ކިޔެވުން ފަށާ ދުވަހުގެ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ކުރިން ފެށިގެން، އެ ދަރިވަރު ކޯސް ފުރިހަމަކުރަން މަރުކަޒަށް ހާޒިރުވާންޖެހޭ އެންމެ ފަހު ދުވަހުން ފެށިގެން ގިނަވެގެން 10 (ދިހައެއް) ދުވަހާ ހަމަޔަށެވެ.
  4. ޓްވިނިންގ ޕްރޮގުރާމެއް ފުރިހަމަކުރާ ދަރިވަރުން، އެ ދަރިވަރު ފުރަތަމަ ކިޔަވަން ފަށާ ގައުމުން ކިޔެވުން ނިމި، ދެވަނަޔަށް ކިޔަވަންދާ ގައުމުގައި ކިޔެވުން ފެށުމާ ދޭތެރޭ އޮންނަ މުއްދަތުގައި ސްޓައިޕެންޑުގެ ފައިސާ ހަމަޖައްސައިދެވޭނީ ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށެވެ.
  5. އިންޓަރންށިޕް ފުރިހަމަކުރާ ދަރިވަރުން، ކިޔަވައި ނިމުމަށްފަހު، އިންޓަރންށިޕް ފެށުމާ ދޭތެރޭ އޮންނަ މުއްދަތުގައި ސްޓައިޕެންޑުގެ ފައިސާ ހަމަޖައްސައިދެވޭނީ ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށެވެ.
  6. ސްޓައިޕެންޑުގެ ފައިސާ ދަރިވަރަށް އާންމުކޮށް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ 6 (ހައެއް) މަސްދުވަހަކުންނެވެ. ނަމަވެސް ދަރިވަރެއްގެ އެކަމަޑޭށަނަށްވާ ފައިސާ އެޑްވާންސްކޮށް 6 (ހައެއް) މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް އެއްފަހަރާ ދައްކަންޖެހޭ ހާލަތުގައި، 6 (ހައެއް) މަސްދުވަހަށް، ވުރެ ދިގު މުއްދަތެއްގެ ސްޓައިޕެންޑަށްވާ ފައިސާ، "މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ދޫކުރެވިދާނެއެވެ.

(ޅ) ބުކް އެލަވަންސް؛

މިއީ ދަރިވަރުން ކިޔެވުން ކުރިޔަށްގެންދާއިރު ކިޔެވުމަށް ހޯދަންޖެހޭ ޓެކްސްޓް ފޮތާއި އެފަދަ ވަސީލަތްތަކަށް ކުރަންޖެހޭ ހަރަދަށް، ކަނޑައެޅިފައިވާ ވަކި ރޭޓަކުން، ކޮންމެ ދިރާސީ އަހަރަކަށް އެކެއް (1) ފަހަރު ދެވޭ ފައިސާއެވެ. އެކި ގައުމުތަކަށް ފައިސާ ދިނުމަށް ހަމަޖެހިފައިވާ ރޭޓުތަކުގެ ތަފުސީލު، "މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

(ވ) އިންޓަރންށިޕްގެ ހަރަދު؛

މިއީ، މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި، އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިންޓަރންށިޕް ފުރިހަމަކުރަން، ހަރަދެއް ހިނގާ ނަމަ، އެކަމަށް ދޭ ހަރަދެވެ.

އިންޓަރންށިޕް ފުރިހަމަކުރަން ހުއްދަ ދެވިފައިވާ ކޯސްތަކުގެ އިންޓަރންށިޕްގެ މުއްދަތުގައި ފައިސާ ދިނުމާ މެދު ނުވަތަ ދޭނެ އަދަދާ މެދު ގޮތެއް ނިންމާނީ ތިރީގައިވާ ހާލަތުތަކަށް ބަލައި، މިނިސްޓްރީންނެވެ.

  1. ކޯސް ފުރިހަމަކޮށް ސަނަދު ހޯދުމަށް ޓަކައި، ހަދަންޖެހޭ އިންޓަރންށިޕްގައި ބައިވެރިވުމަށް ފީއަކާ ނުލައި އިންޓަރންށިޕް ފުރިހަމަކުރެވެން ނެތް ހާލަތުގައި އެ ފީ؛
  2. އިންޓަރންށިޕްގައި ބައިވެރިވާ މުއައްސަސާއަކުން، ނުވަތަ އެ ނޫންވެސް ގޮތަކުން ދަރިވަރަށް އުޖޫރައެއް ނުވަތަ އެލަވަންސެއް ނުލިބޭ ނަމަ، އެ މުއްދަތުގައި، އިންޓަރންށިޕް ހަދާ ގައުމަކަށް ކަނޑައެޅިފައިވާ ސްޓައިޕެންޑް ރޭޓުން އިންޓަރންށިޕް ހަރަދެއްގެ ގޮތުގައި ދޭ ލިވިންގ އެލަވަންސް؛
  3. އިންޓަރންށިޕްގައި ބައިވެރިވާ މުއައްސަސާއަކުން، ނުވަތަ އެ ނޫންވެސް ގޮތަކުން ދަރިވަރަށް ލިބޭ އުޖޫރަ ނުވަތަ އެލަވަންސް، އެ ގައުމަށް ކަނޑައަޅައިފައިވާ ސްޓައިޕެންޑް ރޭޓަށްވުރެ މަދު ނަމަ، އެ މަދުވާ މިންވަރު،

(މ) ޑިޕާޗަރ އެލަވަންސް؛

ދަރިވަރު ކޯސް ފުރިހަމަކުރުމަށްފަހު، ދިރިއުޅޭ ރަށަށް އެނބުރި ދިއުމަށް ހަމަޖެހިފައިވާ ރޭޓަކުން 1 (އެކެއް) ފަހަރު ފައިސާ ދިނުމަށް ހަމަޖެހިފައިވާ ރޭޓުތަކުގެ ތަފްސީލް، ދިވެހި ބިދޭސީ ތަންތަނަށް ފައިސާ ދިނުމަށް، ހަމަޖެހިފައިވާ ރޭޓުތަކުގެ ތަފްސީލް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

(ފ) އިންކްލޫސިވް އެލަވަންސް؛

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އެ ފަރާތެއްގެ ހުންނަ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް ޕްރޮގްރާމު ފުރިހަމަކުރުމަށް، އިތުރު އެހީތެރިކަމެއް ބޭނުންވާ ހާލަތްތަކުގައި، އެކަމަށް މިނިސްޓްރީން ކަނޑައަޅާ ހަރަދު ދެވޭނެއެވެ.

(ދ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޓިއުށަން ފީއާއި، މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ އިންޓަރންށިޕްގައި ހިމެނޭ ބައިވެރިވުމަށް ދައްކަންޖެހޭ ފީ، މިނިސްޓްރީން ދައްކައިދޭނީ، ކިޔަވާ މަރުކަޒުން ނުވަތަ އިންޓަރންށިޕް ހަދާ އިންސްޓިޓިއުޓަކުން ހުށަހަޅާ އިންވޮއިސްއެއްގެ މައްޗަށް ބިނާކޮށް، ސީދާ ތަނަކަށެވެ. މި މާއްދާގެ (ނ) އާއި (ވ) ގެ ދަށުން ބަޔާންކޮށްފައިވާ ހަރަދުތައް ފިޔަވައި، އިތުރު ހުރިހައި ހަރަދުތަކަށް ދޭ ފައިސާ ޖަމާކުރެވޭނީ، އެ ދަރިވަރެއްގެ އަމިއްލަ ނަމުގައި ހުޅުވައިފައިވާ ބޭންކު އެކައުންޓަށެވެ. މި ފައިސާއަށް އެދި ހުށަހަޅާނީ، ޕްރޮގްރާމު ފެށުމުގެ މަދުވެގެން 8 (އަށެއް) ހަފްތާގެ ކުރިން މިނިސްޓްރީއަށެވެ. މި ފައިސާ ހޯދުމަށް ހުށަހަޅާއިރު، ކިޔަވަން ބޭނުންވާ ކޯހުން ޕްލޭސްމަންޓް ލިބިފައިވާކަމުގެ ލިޔުމާއި، ވިސާގެ ހަރަދު އެނގޭނެ ލިޔުން ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - ސްކޮލަރށިޕްގައި ނުހިމެނޭ ހަރަދުތައް

މި ސްކޮލަރށިޕްގެ ދަށުން ތިރީގައި ބަޔާންކޮށްފައިވާ ހަރަދުތައް ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.

(ހ) ކޯހުގެ ޕްލޭސްމަންޓް ހޯދުމަށްޓަކައި ޕްރި-ރިކުއިސިޓް ކޯހެއް ނުވަތަ ފައުންޑޭށަން ކޯހެއް ނުވަތަ ކޯސް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މޮޑިއުލެއްގައި ބައިވެރިވުމުގެ ހަރަދު.

(ށ) ކޯހުގައި ބައިވެރިވުމަށް ނުވަތަ ވިސާއެއް ހޯދުމަށް ކޯސް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިމްތިހާނެއްގައި ނުވަތަ އިންޓަވިއުއެއްގައި ބައިވެރިވުމަށް ކުރަންޖެހޭ ހަރަދު

(ނ) ސްކޮލަރށިޕްގައި ދާން ބޭނުންވާ ގައުމުގެ ވިސާ ނެގުމަށް ކުރަންޖެހޭ ދަތުރާއި، ދަތުރާ ގުޅިގެން ކުރަންޖެހޭ އެންމެހައި ހަރަދު

(ރ) ހެލްތު އިންށުއަރެންސުގެ ކަވަރޭޖުގެ ތެރޭގައި ހިމެނޭ ކަންކަމުގެ އިތުރުން، ދަރިވަރުގެ ސިއްހީ ފަރުވާއަކަށް ހިނގާ ހަރަދު.

 

9 ވަނަ މާއްދާ - ސްކޮލަރށިޕްގެ ދަށުން ހަމަޖެހޭ ފައިސާ އުނިކުރެވޭނެ ހާލަތްތައް

(ހ) ސްކޮލަރށިޕްގެ ދަށުން ހަމަޖެހޭ ފައިސާ އުނިކުރެވޭނީ، މި އުސޫލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދުތަކުގެ ތެރެއިން ހަރަދެއް ހަމަޖެއްސުމަށް އެހެން ފަރާތަކުން ފައިސާގެ އެހީއެއް ދަރިވަރަށް ލިބިއްޖެނަމައެވެ. އެފަދަ ފައިސާގެ އެހީއެއް ލިބިއްޖެ ނަމަ، އެހީ ހަމަޖެހުނު ތާރީހުން ފެށިގެން މަދުވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އެކަން ލިޔުމުން އަންގަންވާނެއެވެ. މިނިސްޓްރީއަށް އެކަން އަންގަންވާނީ ދަރިވަރެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ފަރާތަކުން ކަމަށް ބުނެފައި އެ ވަނީ، ސަރުކާރުގެ އެހެން އެއްވެސް ސްކީމަކުން ނުވަތަ ބައިލޭޓަރަލް ސްކީމަކުން ނުވަތަ ފައުންޑޭށަނަކުން ނުވަތަ މަތީ ތައުލީމު ދޭ މުއައްސަސާއަކުން ދަރިވަރަކަށް ލިބޭ ފުލް ސްކޮލަރށިޕަށް ނުވަތަ ޕާށަލް ސްކޮލަރށިޕަށެވެ. ނަމަވެސް، ބެލެނިވެރިއެއްގެ ފަރާތުން ނުވަތަ ހެޔޮއެދޭ ފަރާތަކުން ދަރިވަރަކަށް ދޭ ފައިސާގެ އިނާމެއް މި މާއްދާގެ ދަށުން ބަޔާންކޮށްފައިވާ އެހެން ފަރާތަކުން ދޭ ފައިސާގެ އެހީގެ ގޮތުގައެއް ނުހިމެނޭނެއެވެ.

 

10 ވަނަ މާއްދާ - ސްކޮލަރށިޕްގެ ފައިސާ ހަރަދުކުރުން

(ހ) ސްކޮލަރށިޕްގެ ދަށުން ދޫކުރެވޭ ފައިސާ ހަރަދުކުރަންވާނީ އެ ފައިސާ ދޫކުރެވުނު ދަރިވަރަށް، އެ ދޫކުރެވުނު ބޭނުމަކަށެވެ.

(ށ) ސްކޮލަރށިޕް ލިބޭ ދަރިވަރަކު ސްކޮލަރށިޕް އެވާރޑްކުރުމުގެ ކުރިން އަމިއްލަ ހަރަދުގައި ކިޔަވަން ފަށައިފައިވާ ނަމަ، ދަރިވަރު އަމިއްލައަށް ކުރި ހަރަދުތަކުގެ ތަފުސީލު ކިތާބީ ހެއްކާއެކު މިނިސްޓްރީއަށް ހުށަހެޅުމުން، އެއީ މި އުސޫލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދެއް ނަމަ، އެ ފައިސާ ދަރިވަރަށް އަނބުރާ ދެވޭނެއެވެ.

 

11 ވަނަ މާއްދާ - ސްކޮލަރށިޕް ދިނުމުގައި އަމަލުކުރާނެ ގޮތް ތިރީގައި މިވަނީއެވެ.

(ހ) ކޮންމެ އަހަރަކު މަތީސާނަވީ އިމްތިހާނުތައް ނިމި، ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ ސްކޮލަރށިޕަށް ށަރުތު ހަމަވާ ދަރިވަރުން، މިނިސްޓްރީ އޮފް އެޑިޔުކޭށަނުން ކަނޑައެޅުމުން، އެ ދަރިވަރުން ސްކޮލަރށިޕަށް ހޮވިފައިވާކަން، މިނިސްޓްރީން އާންމުކޮށް އިއުލާނުކުރާނެއެވެ. އާންމުކުރެވޭ ލިސްޓާ ގުޅިގެން ށަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ، އިއުލާނުގެ މުއްދަތުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. މި މުއްދަތުގެ ތެރޭގައި، އެއްވެސް ސަބަބަކާހުރެ ސްކޮލަރށިޕަށް ހޮވިފައިވާ ދަރިވަރަކު އެ ފުރުސަތު ދޫކޮށްލަން ބޭނުންވާ ނަމަ، އެކަން މިނިސްޓްރީއަށް ލިޔުމުން އަންގަންވާނެއެވެ. ށަކުވާގެ މުއްދަތަށްފަހު، އެ އަހަރަށް ސްކޮލަރށިޕް ލިބިފައިވާ ދަރިވަރުންގެ ފައިނަލް ލިސްޓު، ލަސްވެގެން، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީން އާންމުކުރާނެއެވެ.

(ށ) ސްކޮލަރށިޕަށް ހޮވިފައިވާ ދަރިވަރުންނަށް، މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް، ދަރިވަރު ފުރިހަމަކުރަން އެދޭ ޕްރޮގްރާމުގެ މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލެވޭނެއެވެ.

(ނ) ސްކޮލަރށިޕަށް ހޮވިފައިވާ ދަރިވަރުންނަށް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް، ދަރިވަރު ފުރިހަމަކުރަން އެދޭ ޕްރޮގްރާމުގެ މައުލޫމާތު ހުށަހެޅުމަށް މިނިސްޓްރީން ހުޅުވައިލި ތާރީހުން ފެށިގެން، 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި ސްކޮލަރށިޕް ލިބޭ ދަރިވަރުން، ސްކޮލަރށިޕްގެ އިގުރާރުގައި ސޮއިކުރުމަށްފަހު ކިޔަވަން ފަށަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ކިޔަވަން ނުފެށޭ ފަދަ މަގުބޫލު އުޒުރެއް މެދުވެރިވެއްޖެ ހިނދެއްގައި، އެކަން ލިޔުމަކުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހެޅޭ އުޒުރުގެ ސައްހަކަން ސާބިތުކޮށްދިނުމުގެ ގޮތުން ކަމާގުޅޭ ހެކި ލިޔުމުން ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ހެކީގެ ސައްހަކަން ކަނޑައަޅާނީ މިނިސްޓްރީންނެވެ.

(ރ) ސްކޮލަރށިޕް ލިބޭ ދަރިވަރު، ފުރިހަމަކުރަން އެދޭ ޕްރޮގްރާމުގެ ޕްލޭސްމަންޓް ހޯދައި، އެ ޕްރޮގްރާމުގެ ފީ ސްޓްރަކްޗަރއާއެކު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ބ) ސްކޮލަރށިޕްގެ ދަށުން ފުރުސަތު ލިބޭ ދަރިވަރު ހުށަހަޅާ ޕްރޮގްރާމުގައި ކިޔެވުމަށް މިނިސްޓްރީން ދޭ ސްޕޮންސަރށިޕް ލިޔުން، ސޮއިކުރާނީ، އެ ޕްރޮގުރާމަކީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއާއި ދިވެހިރާއްޖޭގައި ގާއިމުވެފައިވާ އެ ދާއިރާއަކާ ގުޅޭ އެހެނިހެން ޕްރޮފެށަނަލް ކައުންސިލުތަކާއި އޮތޯރިޓީތަކުން، ގަބޫލުކުރާ ފެންވަރުގެ ޕްރޮގުރާމެއްތޯއާއި، ތައުލީމުދޭ މުއައްސަސާއަކީ އެ އިދާރާތަކުން ގަބޫލުކުރާ ތަނެއްތޯއާއި ދަރިވަރު ކޯހެއްގައި ބައިވެރިވެ، ކިޔެވުމަށް، ފުރިހަމަކުރަންޖެހޭ ށަރުތުތައް ފުރިހަމަވޭތޯ ބެލުމަށްފަހުގައެވެ.

 

12 ވަނަ މާއްދާ - ދަރިވަރުގެ ޒިންމާ

ސްކޮލަރށިޕްގެ ދަށުން، ކިޔަވާ ދަރިވަރުން، ތިރީގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އުފުލަންވާނެއެވެ.

(ހ) ސްކޮލަރށިޕްގެ ދަށުން ފުރުސަތު ލިބޭ ދަރިވަރު ހުށަހަޅާ ޕްލޭސްމަންޓަކީ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއާއި، ދިވެހިރާއްޖޭގައި ގާއިމުވެފައިވާ އެ ދާއިރާއަކާ، ގުޅޭ އެހެނިހެން، ޕްރޮފެށަނަލް ކައުންސިލުތަކާއި އޮތޯރިޓީތަކުން ގަބޫލުކުރާ ފެންވަރުގެ ކޯހެއްތޯއާއި ތައުލީމުދޭ މުއައްސަސާއަކީ، ގަބޫލުކުރާ ތަނެއްތޯއާއި ދަރިވަރު އެ ކޯހެއްގައި ބައިވެރިވެ، ކިޔެވުމަށް ފުރިހަމަކުރަންޖެހޭ، ށަރުތުތައް ފުރިހަމަވޭތޯ ބެލުމަކީ ދަރިވަރުގެ ޒިންމާއެކެވެ.

(ށ) ސްކޮލަރށިޕަށް ހޮވުނުކަން ދަރިވަރަށް، އަންގާތާ ލަސްވެގެން، 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި، ކިޔަވާނެ ކޯހެއް އިހުތިޔާރުކޮށް ކިޔަވަން ފެށުމުގެ ކުރިން ދަރިވަރުގެ ފަރާތުން ފުރިހަމަކޮށް، ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ހުށަހަޅައި ސްކޮލަރށިޕްގެ ދަށުން ބައިވެރިވާ ކޯހުގައި ކިޔަވަން ފެށުން. މިގޮތުން ކިޔެވުން ފަށާތާ މަދުވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކިޔަވަން ފެށި ތާރީހާއި ސެމިސްޓަރގެ ކިޔެވުން މަރުކަޒުގައި، ރަސްމީކޮށް ފެށުނު ތާރީހާއި ކިޔަވަން އެންރޯލްވެފައިވާ މާއްދާތަކުގެ ތަފުސީލާއި، ދަރިވަރު ކިޔަވަންދާ ގައުމުގައި ދަރިވަރުގެ އެޑްރެހާއި، ދަރިވަރާ، މުއާސަލާތުކުރެވޭނެ ގޮތުގެ ތަފުސީލުތައް މިނިސްޓްރީއާ ހިއްސާކުރުން.

(ނ) މި ސްކީމުގެ ދަށުން ދޭ ސްކޮލަރށިޕަކީ އެކަޑަމިކް މެރިޓްގެ މައްޗަށް ދެވޭ ސްކޮލަރށިޕަކަށް ވީ ހިނދު ދަރިވަރުގެ ކޯސް ކުރިޔަށްދާއިރު، އަދި ކޯސް އެއްކޮށް ފުރިހަމަކުރާއިރު މަތީ ފެންވަރުގައި، ފާސްވުމަށް ހިތްވަރާއެކު މަސައްކަތްކުރުން. މި ގޮތުން، ސެމިސްޓަރ ގްރޭޑް ޕޮއިންޓް އެވްރެޖް (ޖީ.ޕީ.އޭ) އާއި ކިޔުމެލޭޓިވް ޖީ.ޕީ.އޭ 3.00 ނުވަތަ އެއަށް ވުރެ މަތީގައި ހިފެހެއްޓުމަށް މަސައްކަތްކުރުން. ނުވަތަ 4.00 ގެ ޖީ.ޕީ.އޭ ސްކޭލެއް ނޫން މިންގަނޑެއް ބޭނުންކުރާ މަރުކަޒެއް ނަމަ، ވެސް އެއާ، އެއްފެންވަރު ނަތީޖާއެއް ހޯދުމަށް މަސައްކަތްކުރުން.

(ރ) ދަރިވަރު ކޯހުގައި ކިޔަވަންޖެހޭ ހުރިހާ މާއްދާ/މޮޑިއުލްއަކުން ފާސްވުމާއެކު، ކިޔަވަމުންގެންދާ މަރުކަޒުން ކޯސްފުރިހަމަކޮށް ސަނަދު ހާސިލުކުރުމަށް ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑަށް ވުރެ މަތީގައި ދަރިވަރުގެ އެކަޑަމިކް ޕަރފޯމަންސް ދެމެހެއްޓުން.

(ބ) މަރުކަޒުން ކޮންމެ ޓާރމެއްގެ ނުވަތަ ސެމިސްޓަރއެއްގެ ނަތީޖާ ދޫކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ނަތީޖާ ށީޓް ނުވަތަ އެކަޑަމިކް ޓްރާންސްކްރިޕްޓް މިނިސްޓްރީއާ ހިއްސާކުރުން.

(ޅ) ކިޔެވުން ފެށުމަށްފަހު ކޮންމެ 6 (ހައެއް) މަސްދުވަހަކުން އެއްފަހަރު، ދަރިވަރު ކިޔެވުން ކުރިޔަށްގެންދާކަން އެނގޭނެ ކިޔަވާ މަރުކަޒުގެ ލިޔުމާއެކު، ފައިސާ ދޫކުރުމަށް ބޭނުންވާ ލިޔުންތައް މިނިސްޓްރީއަށް ހުށަހަޅަމުން ގެންދިއުން.

(ކ) ކިޔަވާ މަރުކަޒުގެ ފަރާތުން ޓިއުށަންފީގެ އިންވޮއިސް ކުރިކަމާއި މަރުކަޒަށް ޓިއުށަންފީ ލިބިފައިވާކަން ދަރިވަރު ބަލައި، އެކަމުގެ މައުލޫމާތު މިނިސްޓްރީއަށް ގަވާއިދުން އަންގަމުން ގެންދިއުން.

(އ) ދަރިވަރާ ބެހޭގޮތުންނާއި ކިޔަވާ މަރުކަޒާއި ކޯހާ ގުޅޭގޮތުން މިނިސްޓްރީއަށް ދީފައިވާ އެއްވެސް މައުލޫމާތަކަށް ނުވަތަ ރިކޯޑަކަށް ބަދަލެއް އަތުވެއްޖެ ނަމަ، އެ ބަދަލެއް އަތުވެތާ ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ބަދަލެއްގެ މައުލޫމާތު ތަފުސީލާއެކު މިނިސްޓްރީއަށް ހިއްސާކުރަމުން ގެންދިއުން.

(ވ) މަގުބޫލު ސަބަބަކާ ގުޅިގެން މިނިސްޓްރީން ލިޔުމުން ހުއްދަ ދީފައިވާ ހާއްސަ ހާލަތްތަކުގައި ނޫނީ، ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި ކޯސް ފުރިހަމަކުރަންޖެހޭ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަކޮށް ނިމޭނޭ ގޮތަށް ކޮންމެ ސެމިސްޓަރަކަށް ވެސް ކަނޑައަޅައިފައިވާ ފުލް ލޯޑުގައި މާއްދާތައް ނަގައިގެން ކިޔެވުން ކުރިޔަށް ގެންދިއުން.

(މ) ކޯހުގެ ކިޔެވުން ކުރިޔަށްދާއިރު، ކިޔަވާ މަރުކަޒުގެ އުސޫލުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި ޕްލެޖިއަރިޒަމް ނުވަތަ ކޮޕީކުރުން ފަދަ އެކަޑަމިކް އިންޓެގްރިޓީ ގެއްލިދާނެ ފަދަ އެއްވެސް ކަމެއް ނުކުރުން.

(ފ) މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަމުގައި ދިވެހި ސަރުކާރުން ދޭ އެންމެ ށަރަފުވެރި އެއް ސްކޮލަރށިޕަށް ވުމާއެކު، ސްކޮލަރށިޕްގައި ކިޔަވަމުންދާއިރު، އަދި ކިޔެވުން ފުރިހަމަކުރުމަށްފަހު ވެސް މި ށަރަފު ހިފަހައްޓައި ނެގެހެއްޓޭނެގޮތަށް ދަރިވަރުގެ އަހުލާގުންނާއި، އިސްނެގުމުންނާއި، އުނގެނުމާއި، ގައުމަށް ހިދުމަތްކުރުމުގައި ނަމޫނާ ދެއްކުން.

(ދ) އިސްލާމްދީނަށް ފުރިހަމަޔަށް ހުރުމަތްތެރިކޮށް ހިތުމާއެކު، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް ހުރުމަތްތެރިކޮށް ހިތުމާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން، އެ ދަރިވަރަކު ކިޔަވަމުންދާ ގައުމެއްގެ ގާނޫނުތަކަށާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، އާންމު މަސްލަހަތާއި ހަމަޖެހުން ގެއްލިދާނެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމާއި ދިވެހިރާއްޖޭގެ ތަސައްވުރު ކިލަނބުވާނެ ފަދަ އެއްވެސް އަމަލެއް ނުހިންގުމާއި، މިނިސްޓްރީން އަންގާ އެންގުންތަކަށް އަމަލުކުރުން.

(ތ) ސްކޮލަރށިޕްގެ ދަށުން ކިޔަވާ ކޯސް ފުރިހަމަކޮށް ނިމުމުން، ދަރިވަރު މަރުކަޒަށް ހާޒިރުވާންޖެހޭ އެންމެ ފަހު ދުވަހުގެ މައުލޫމާތު އެނގޭނެ މަރުކަޒުގެ ލިޔުމަކާއެކު ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އެންގުން.

(ލ) ދިވެހިރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން ކޯސް ފުރިހަމަކުރުމަށްފަހު، ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް އެނބުރި އައިސް، ރާއްޖެ އަންނަތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އެކަން އެންގުން.

(ގ) އިންޓަރންށިޕް ފުރިހަމަކުރާ ދަރިވަރުން، އިންޓަރންށިޕް ފުރިހަމަކުރުމަށްފަހު، ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް އެނބުރި އައިސް، ރާއްޖެ އަންނަތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އެކަން އެންގުން.

(ޏ) ފުރިހަމަކުރާ ކޯހުގެ ފައިނަލް ނަތީޖާ، މަރުކަޒުން ދޫކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ނަތީޖާ ށީޓް ނުވަތަ އެކަޑަމިކް ޓްރާންސްކްރިޕްޓް މިނިސްޓްރީއާ ހިއްސާކުރުމާއި، ފުރިހަމަކުރި ކޯހުގެ ސެޓުފިކެޓު ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައ،ި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ސެޓުފިކެޓު ވެލިޑޭޓްކުރުމަށްފަހު އެ ސެޓުފިކެޓުގެ ކޮޕީއެއް މިނިސްޓްރީއަށް ހުށަހެޅުނ.ް

(ސ) ސްކޮލަރށިޕް ފުރިހަމަކުރުމަށްފަހ،ު މި އުސޫލުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ދިވެހި ގައުމަށް ހިދުމަތްކުރުނ.ް

 

13 ވަނަ މާޢްދާ - ސްކޮލަރށިޕްގެ ފުރުސަތު ކެންސަލްވާނެ ހާލަތުތައް

ދަރިވަރަށް ލިބިފައިވާ ސްކޮލަރށިޕްގެ ފުރުސަތު ކެންސަލްވާނެ ހާލަތުތައް، ތިރީގައި މިވަނީއެވެ.

(ހ) ސްކޮލަރށިޕަށް ހޮވުމަށްފަހު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ޖަލުހުކުމެއް އައުނ.ް

(ށ) އަހުލާގީ ސަބަބަކާހުރެ ނުވަތަ ފެއިލްވުމާ ގުޅިގެން، ކިޔަވާ މަރުކަޒުން ދަރިވަރު ވަކިކުރުނ.ް

(ނ) މަގްބޫލު ސަބަބެއް ނެތި، ސްކޮލަރށިޕް އެވޯޑްކުރާތާ 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި ކިޔަވަން ފަށައިފައި ނުވުން.

(ރ) ސްކޮލަށިޕް ދޫކޮށްލުމަށް ދަރިވަރު ލިޔުމުން މިނިސްޓްރީއަށް ހުށަހެޅުން.

 

14 ވަނަ މާއްދާ - ކިޔަވާ ޕުރޮގުރާމު ބަދަލުކުރުން 

އުސޫލެއްގެ ގޮތުން، ދަރިވަރުން ތައުލީމު ހާސިލުކުރަން ފެށުމަށްފަހ،ު އެ ދަރިވަރަކު ކިޔަވަމުންދާ ކޯހާއި، ކޯހުގެ މުއްދަތާއި، މަތީ ތައުލީމު ދޭ މުއައްސަސާއާއ،ި ކިޔަވަންދާ ގައުމު ބަދަލުކުރުމުގެ ފުރުސަތެއް ނުދެވޭނެއެވެ. ނަމަވެސް، ދަރިވަރު ކިޔަވަން ގަސްތުކުރި ކޯހުގެ ޕްލޭސްމަންޓް މަރުކަޒުން ލިބުމަށްފަހު، އަންނަނިވި ހާލަތްތަކުގައި ކޯސް ނުވަތަ ކޯހުގެ މުއްދަތު ނުވަތަ މަރުކަޒާއި ގައުމު ބަދަލުކުރަން މިނިސްޓްރީއަށް ހުށަހެޅުމުން، އެ ހާލަތަކަށް ރިއާޔަތްކޮށްފައި މިނިސްޓްރީން ހުއްދަ ދެވިދާނެއެވެ.

(ހ) ޕުރޮގުރާމު ބަދަލުކުރަން އެދޭއިރު، ކުރިން ހުށަހެޅި ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ، މަތީ ތައުލީމު ދޭ މުއައްސަސާއަށް އެއްވެސް ފައިސާއެއް ދައްކައިފައި ނުވުން.

(ށ) ޕުރޮގުރާމު ބަދަލުކުރަން އެދޭއިރު، ކުރިން ހުށަހެޅި ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ، މަތީ ތައުލީމުދޭ މުއައްސަސާއަށް އެއްވެސް ފައިސާއެއް ދައްކައިފައި ވަނިކޮށް ޕުރޮގުރާމު ބަދަލުކުރަން އެދޭ ނަމަ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވުން.

  1. ބަދަލުކުރަން އެދި ހުށަހެޅީ، ކިޔަވަން ފެށި ޕްރޮގުރާމުގެ ފުރަތަމަ ސެމެސްޓަރ ނިމުމުގެ ކުރިންކަމުގައި ވުން؛
  2. ދޫކޮށްލާ ޕްރޮގުރާމު ކުރިޔަށްގެންދިޔުމަށް، އެހައިތަނަށް ދަރިވަރަށް ސްކޮލަރށިޕްގެ ދަށުން ކޮށްފައިވާ ހަރަދުތަކަކީ، ބަދަލުވާ ޕްރޮގުރާމުގެ އެ މުއްދަތަށް ކުރެވުނު ހަރަދުކަމުގައި ބަލައި، ދޫކޮށްލާ ކޯހުގައި ކިޔަވައިފައިވާ މުއްދަތު، ބަދަލުވާ ކޯހުގެ ޖުމުލަ މުއްދަތުން އުނިކޮށް އެ ކޯހުގެ ހަރަދުތައް ދިނުމާމެދު އިއުތިރާޒެއް ނުކުރާކަމަށް ދަރިވަރު އެއްބަސްވުން؛
  3. ޕްރޮގުރާމު ބަދަލުކުރަންޖެހޭ ސަބަބު، އެކަން ކުރުން މުހިންމުކަމަށް ބާރުދޭ، ކަމާ ގުޅޭގޮތުން ކިޔަވާ މަރުކަޒުން ދޫކޮށްފައިވާ ލިޔުންތަކާއި، ސަބަބަކީ ސިއްހީ ހާލަތެއް ނުވަތަ ނަފުސާނީ ހާލަތެއް ދަރިވަރަކަށް މެދުވެރިވެގެން ދިމާވި ކަމެއް ނަމަ، އެކަން ސާބިތުކޮށްދިނުމަށްޓަކައި ހުށަހަޅާ މެޑިކަލް ސެޓްފިކެޓުތަކާއި މި ނޫންވެސް މެޑިކޯ ސޯށަލް ރިޕޯޓުގެ ރަސްމީ ފަރާތްތަކުގެ ލިޔުންތަކާއެކު ހުށަހަޅައިފައި އޮތުން؛
  4. ޕްރޮގުރާމު ބަދަލުކުރާ ފުރަތަމަ ފަހަރު ކަމުގައި ވުން؛
  5. ދޫކޮށްލާ ޕްރޮގުރާމު ފުރިހަމަކުރަން ހިނގާނެ ހަރަދަށް ވުރެ، ބަދަލުވާ ކޯހުގެ ޖުމުލަ ހަރަދު ބޮޑުނުވާނެ ޕްރޮގުރާމަކަށް ވުން؛

 

15 ވަނަ މާއްދާ - ދަރިވަރު ކޯހުން ފެއިލްވެއްޖެ ނަމަ، ނުވަތަ ވަކިވެއްޖެ ނަމަ އަމަލުކުރާނެ ގޮތް 

(ހ) ސްކޮލަރށިޕްގައި ކިޔަވަމުންދާ ދަރިވަރަކު މަގުބޫލު ސަބަބެއްނެތި ކޯހުން ނުވަތަ ކޯހުގެ ޔުނިޓަކުން ފެއިލްވެއްޖެ ނަމަ، ފެއިލްވި މޮޑިއުލުގައި އަލުން ބައިވެރިވުމަށް ހިނގާ ހަރަދު ހަމަޖައްސަންޖެހޭނީ އެ ދަރިވަރު އަމިއްލަޔަށެވެ. އަދި މިގޮތުން ޕްރޮގުރާމު ފުރިހަމަކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ވުރެ ކޯހުގެ ހުރިހާ މޮޑިއުލެއް ފުރިހަމަކުރަން ނަގާ މުއްދަތު އިތުރުވެއްޖެ ނަމަ، އެ މުއްދަތުގައި ސްޓައިޕެންޑުގެ ގޮތުގައި ކުރަންޖެހޭ ހަރަދު ވެސް ހަމަޖައްސަންޖެހޭނީ އެ ދަރިވަރު އަމިއްލަޔަށެވެ.

(ށ) ސްކޮލަރށިޕްގައި ކިޔަވަމުންދާ ދަރިވަރަކު މާއްދާއަކުން ނުވަތަ މާއްދާތަކަކުން ފެއިލްވެފައިވަނީ އޭނާގެ އަމިއްލަ އިހްތިޔާރާއި ބާރުގެ ބޭރުން ހިނގާ ކަމެއްގެ ސަބަބުންކަމަށް ވެފައި، އެއީ މަގުބޫލު އުޒުރެއްކަމަށް މިނިސްޓްރީއަށް ފެނިއްޖެ ނަމަ، އެ މާއްދާއެއްގައި ނުވަތަ މާއްދާތަކުގައި އެންމެ 1 (އެކެއް) ފަހަރު އަލުން ބައިވެރިވުމަށް ހަރަދު ދެވިދާނެއެވެ. އަދި މި ފަދަ ސަބަބަކާ ހުރެ މާއްދާއެއްގައި، ނުވަތަ މާއްދާތަކެއްގައި އަލުން ބައިވެރިވާން ޖެހިގެން، މުޅި ކޯސް ފުރިހަމަކުރުމަށް ފުރަތަމަ ކަނޑައަޅައިފައިވާ މުއްދަތަށް ވުރެ އިތުރު ވަގުތު ހޭދަކުރަންޖެހޭ ނަމަ، އެންމެ އަވަސް މުއްދަތެއްގައި ނިންމުމަށް ހޭދަވާ މުއްދަތަކަށް ސްޓައިޕެންޑާއި ކޯސްޕީގެ ހަރަދު ދެވިދާނެއެވެ. މި ގޮތުން، ކޯހުގެ އަސްލު މުއްދަތަށް ވުރެ އިތުރު ވަގުތު ހޭދަކުރަންޖެހޭ ނަމަ، ގިނަވެގެން ދެވޭނީ، އިތުރުވާ 12 (ބާރަ) މަސްދުވަހަށް ހިނގާނެ ހަރަދެވެ.

(ނ) މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދަރިވަރަކު، މާއްދާއަކުން ފާސްނުވުމުގައި، މަގުބޫލު ސަބަބެއް އޮތްކަމަށް، މިނިސްޓްރީން ކަނޑައަޅާނީ، އެ މާއްދާއަކުން، ފެއިލްވާން ދިމާވި ސަބަބަކީ، ދަރިވަރުގެ އަމިއްލަ އިހްތިޔާރާއި ބާރުގެ ބޭރުން ހިނގައިފައިވާ ކަމެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން، ކަމާބެހޭ ހެކިތަކާއި، ކަމާ ގުޅޭގޮތުން ކިޔަވާ މަރުކަޒުން ދޫކޮށްފައިވާ ލިޔުންތަކާއި، އެ ސަބަބަކީ ސިއްހީ ހާލަތެއް ނުވަތަ ނަފުސާނީ ހާލަތެއް އެ ދަރިވަރަކަށް މެދުވެރިވެގެން ދިމާވި ކަމެއް ނަމަ، އެކަން ސާބިތުކޮށްދިނުމަށް ހުށަހަޅާ މެޑިކަލް ސެޓިފިކެޓްތަކާއި، މި ނޫންވެސް މެޑިކޯ ސޯށަލް ރިޕޯޓުގެ މައްޗަށް ބިނާކޮށެވެ.

(ރ) އެއްވެސް ސަބަބަކާހުރެ، ތައުލީމު ހާސިލުކުރަމުންދާ މަތީ ތައުލީމު ދޭ މަރުކަޒަކުން ދަރިވަރު ވަކިކޮށްފި ނަމަ ނުވަތަ މަގްބޫލު އުޒުރަކާ ނުލައި ކޯހުން ދަރިވަރު ފެއިލްވެއްޖެ ނަމަ، ނުވަތަ ދަރިވަރު އަމިއްލައަށް ކޯހުގައި ކިޔެވުން ހުއްޓައިލައިފި ނަމަ، 12 ފެބުރުވަރީ 2020 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި ހިދުމަތް ނުކުރާ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ އުސޫލު" ގައިވާ ގޮތުގެ މަތީން އެ ދަރިވަރަކާމެދު އަމަލުކުރެވޭނެއެވެ.

 

16 ވަނަ މާއްދާ - ކޯސް ނިންމުމަށްފަހު ހިދުމަތްކުރުން

(ހ) މި އުސޫލުގެ ދަށުން ސްކޮލަރށިޕް ލިބިގެން ކިޔަވާ ދަރިވަރުން، ތިރީގައި ބަޔާންވެގެންވާ ގޮތުގެ މަތީން ސަރުކާރަށް، ނުވަތަ ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން ދިވެހިރާއްޖެއަށް ހިދުމަތް ކުރަން ވާނެއެވެ.

  1. ރާއްޖެއިން ބޭރުގައި ތަމްރީނު ދެވޭ ފަރާތެއް ނަމަ، އަދި އެ ކޯހުގެ މުއްދަތަކީ 4 (ހަތަރެއް) އަހަރުދުވަސް ނުވަތަ 2 (ދޭއް) އަހަރުދުވަހާއި 4 (ހަތަރެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއް ނަމަ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ހިދުމަތްކުރުން
  2. ރާއްޖެއިން ބޭރުގައި ތަމްރީނުވާ ފަރާތެއް ނަމަ، އަދި އެ ކޯހުގެ މުއްދަތަކީ 4 (ހަތަރެއް) އަހަރުދުވަހަށް ވުރެ ދިގު މުއްދަތެއް ނަމަ، 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތަށް ހިދުމަތްކުރުން؛
  3. ރާއްޖޭގައި ތަމްރީނުދެވޭ ފަރާތެއް ނަމަ، އަދި އެ ކޯހުގެ މުއްދަތަކީ 18 (އަށާރަ) މަސްދުވަހަށް ވުރެ ދިގު މުއްދަތެއް ނަމަ، 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތަށް ހިދުމަތްކުރުން؛
  4. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޯހުގެ މުއްދަތު ގުނުމުގައި، ކޯހުގެ އެ ބައެއްގެ ގޮތުގައި ހަރަދު ދީގެން ބައިވެރިވާ އިންޓަރންށިޕްގެ މުއްދަތު ވެސް ހިމެނޭނެއެވެ.

(ށ) ސްކޮލަރށިޕްގެ ދަށުން ކިޔަވާ ކޯސް ފުރިހަމަކުރާތާ ލަސްވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މި މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ ގޮތަށް، ހިދުމަތްކުރަން ފަށަންވާނެއެވެ. އަދި ވަޒީފާ އަދާކުރާ ތަނާއި، ވަޒީފާ އަދާކުރަން ފެށި ތާރީހާއި މަގާމު އެނގޭނޭހެން ލިޔުމުން، ނުވަތަ މިނިސްޓްރީން ކަނޑައަޅާ ޕޯޓަލެއް މެދުވެރިކޮށް މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ. އަދި ހިދުމަތްކުރަންޖެހޭ މުއްދަތުގެ ތެރޭގައި ވަޒީފާއިން ވަކިވެއްޖެ ނަމަ ނުވަތަ ވަޒީފާއަށް އެއްވެސް ބަދަލެއް އަތުވެއްޖެ ނަމަ، ލަސްވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެކަން މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 6 (ހައެއް) މަސްދުވަހުގެ މުއްދަތުގެ ތެރޭގައި، ރާއްޖޭގެ އެއްވެސް ތަނަކުން ވަޒީފާއެއް ހަމަޖެހިފައި ނުވާ ނަމަ ވަޒީފާއެއް ހޯދަން ކުރި މަސައްކަތުގެ ތަފުސީލާއެކު، މިނިސްޓްރީއަށް އަންގަންވާނެއެވެ. މިފަދަ ހާލަތުގައި ދަރިވަރަށް އެކަށީގެންވާ ވަޒީފާއެއް ހޯދައިދިނުމުގައި މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މިގޮތުން މިނިސްޓްރީ މެދުވެރިކޮށް ފަހިކޮށްދެވޭ ވަޒީފާގެ ފުރުސަތުގެ ބޭނުންހިފުމަށް ދަރިވަރު އެއްބަސްވާންވާނެއެވެ.

(ރ) ހިދުމަތްކުރުމަށް ކަނޑައަޅައިފައިވާ މުއްދަތުގައި، އަންނަނިވި ސަބަބުންކުރެ ސަބަބެއް ދިމާވެއްޖެ ނަމަ، ސަބަބު ބަޔާންކޮށް، ހެއްކާއެކު ލިޔުމުން މިނިސްޓްރީއަށް އެކަން ހުށަހެޅުމުން، އެއީ މަގުބޫލު ސަބަބެއްކަމަށް މިނިސްޓްރީއަށް ފެނިއްޖެ ހާލަތުގައި ހިދުމަތުގެ މުއްދަތު ފަސްކުރެވިދާނެއެވެ.

  1. ހިދުމަތްކުރަން ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި، އެހެން ކޯހެއްގައި ނުވަތަ ތަމްރީނެއްގައި ބައިވެރިވުމަށް އެ ޕްރޮގުރާމެއް ފުރިހަމަކުރުމަށް ހިނގާ މުއްދަތަށް
  2. ސިއްހީ މައްސަލައެއްގެ ސަބަބުން ދިގު މުއްދަތަކަށް މަސައްކަތަށް ނުކުތުމަށް އުޒުރުވެރިވާ ފަދަ މަގުބޫލު ހާލަތެއް ދިމާވުމުން އަނބުރާ ވަޒީފާ އަދާކުރެވޭ ފަދަ ހާލަތަކަށް ބަދަލުވަންދެން އެ މުއްދަތަށް
  3. އާއިލީގޮތުން ތިމާ ބަލަހައްޓަންޖެހިފައިވާ ކުއްޖަކު ނުވަތަ މީހަކު ބެލެހެއްޓުމަށް މަގުބޫލު ސަބަބެއް އޮވެގެން ވަޒީފާ އަދާކުރުމަށް އުޒުރުވެރިވާ ހާލަތުގައި އެ މުއްދަތަށް

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިދުމަތުގެ މުއްދަތު ގުނާނީ، ކޯސް ފުރިހަމަކުރުމަށްފަހު، ފުރަތަމަ އަދާކުރާ ވަޒީފާގައި މަސައްކަތް ފަށާ ދުވަހުން ފެށިގެންނެވެ. މި ގޮތަށް މުއްދަތު ގުނުމުގައި 2 (ދޭ) ވަޒީފާއެއްގެ ދޭތެރޭ 3 (ތިނެއް) މަސްދުވަހަށް ވުރެ އިތުރުނުވާގޮތަށް ވަޒީފާ މެދުކެނޑިފައިވާ ދުވަސްތައް ވެސް ހިމެނޭނެއެވެ؛ ނަމަވެސް 3 (ތިނެއް) މަސްދުވަހަށް ވުރެ ދިގު މެދުކެނޑުމެއް އަތުވެއްޖެ ނަމަ ހިދުމަތުގެ މުއްދަތު ގުނާނީ އެ މެދުކެނޑުނު ދުވަސްތައް ނުހިމަނައެވެ. ވަޒީފާގައި ހުރެގެން މުސާރަ ނުލިބޭގޮތަށް 3 (ތިނެއް) މަސްދުވަހަށް ވުރެ އިތުރުވާގޮތަށް ނަގާ ޗުއްޓީ (ނޯ ޕޭ ލީވް) ގެ މުއްދަތު ވެސް ހިދުމަތުގެ މުއްދަތުގެ ތެރޭގައި ނުގުނޭނެއެވެ.

 

17 ވަނަ މާއްދާ - ހިދުމަތްކުރާ ފަރާތްތަކުން އަނބުރާ ފައިސާ ދެއްކުން

މި އުސޫލުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިދުމަތްނުކުރާ ފަރާތްތަކަށް ސްކޮލަރށިޕުން ކޮށްފައިވާ ހަރަދު، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ސަރުކާރަށް އަނބުރާ ދައްކަންވާނެއެވެ.

(ހ) މި އުސޫލުގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ހިދުމަތްކުރަން ފަށައިފައިނުވާ ދަރިވަރުންނަށް ސްކޮލަރށިޕްގެ ދަށުން ކޮށްފައިވާ ހަރަދު ބަލާނީ އެއީ ދަރިވަރުން އަނބުރާ ދައްކަންޖެހޭ ލޯނެއްގެ ގޮތުގައެވެ. މިގޮތުން ދަރިވަރަށް ސްކޮލަރށިޕް ހަމަޖައްސާއިރު، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ސްކޮލަރށިޕަށްފަހު ހިދުމަތްނުކުރާ ހާލަތުގައި އެ ފައިސާއަކީ އަނބުރާ ދައްކަންޖެހޭ ފައިސާއެއް ކަމަށް ދަރިވަރު އިގުރާރުވާންވާނެއެވެ.

(ށ) ފައިސާ އަނބުރާ ދެއްކުމުގައި އަމަލުކުރާނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މި ގޮތުން ފައިސާ އަނބުރާ ދައްކައި، ހަލާސްކުރަންޖެހޭ ޖުމުލަ މުއްދަތާއި، ކޮންމެ މަހަކު ދައްކަންޖެހޭ ފައިސާގެ މިންވަރު މިނިސްޓްރީން ކަނޑައަޅާނީ، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީން ހޯދަން ލޯނު ދިނުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) މި އުސޫލުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު މުޅިން ފުރިހަމަނުކޮށް އެ މުއްދަތުން ބައެއްގައި ހިދުމަތްކޮށްފި ނަމަ، ލޯނުގެ ގޮތުގައި އަނބުރާ ދައްކަންޖެހޭ މިންވަރު ކަނޑައަޅާނީ، ހިދުމަތްކުރި މުއްދަތަށް ސްކޮލަރށިޕްގެ ޖުމުލަ ހަރަދުން، ހިދުމަތްކުރަންޖެހޭ ޖުމުލަ މުއްދަތުގެ ނިސްބަތުން ހިދުމަތްކުރި މުއްދަތު އުނިކުރުމަށްފަހު، ހިދުމަތްނުކޮށް ދޫކޮށްލާ މުއްދަތަށް ޖެހޭ މިންވަރެވެ.

 

18 ވަނަ މާއްދާ - މި އުސޫލުގައި ނެތްކަމެއް ދިމާވުން

މި އުސޫލުގައި ހިމެނިފައިވާ ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއް ނިންމާނީ، މި އުސޫލުގައި ކަނޑައަޅައިފައިވާ ހަމަތަކާއި އަސާސްތަކާ ހިލާފުނުވާ ގޮތުގެ މަތީން، މިނިސްޓްރީންނެވެ.

 

19 ވަނަ މާޢްދާ - މާނަކުރުން

މި އުސޫލުގައި ވަކި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ޖެހޭ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި، ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ސްކޮލަރށިޕް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މަތީ ސާނަވީ އިމްތިހާނުތަކުން އެންމެ މަތީ ދަރަޖައިގައި ފާސްވެފައިވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސ ސްކޮލަރށިޕަށެވެ.

(ށ) "ޕްރޮފެށަނަލް ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ލައިސަންސް ލިބިގެން ނުވަތަ ހުއްދަ ލިބިގެން މަސައްކަތްކުރަންޖެހޭ ދާއިރާތަކުގައި އެފަދަ މަސައްކަތްތައް ފަންނީގޮތެއްގައި ކުރުމަށް ލައިސަންސް ނުވަތަ ހުއްދަ ލިބޭ ފެންވަރުގެ ސަނަދުތަކަށެވެ.

މާނަކުރުން

(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެ ވަނީ، މަތީ ތައުލީމާއި ތަމްރީނާ ގުޅޭ ކަންކަމަށް ޒިންމާވުޒާރާއަށެވެ.

(ރ) "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން ދަރިވަރު ކިޔަވަންދާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަށެވެ.

(ބ) "ފުރަތަމަ ޑިގްރީ ނުވަތަ ބެޗިލަރސް ޑިގްރީ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކުގެ ލެވަލް 7 ގެ ޑިގްރީ ފެންވަރުގެ ސަނަދެއްކަމަށް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ކަނޑައަޅާ ސަނަދަށެވެ.

(ޅ) "މާސްޓަރސް ޑިގްރީ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކުގެ ލެވަލް 9 ގެ ޑިގްރީ ފެންވަރުގެ ސަނަދެއްކަމަށް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ކަނޑައަޅާ ސަނަދަށެވެ.

(ކ) "މޮޑިއުލް" ކަމަށް ބުނެފައި އެވަނީ ދަރިވަރު ކިޔަވާ ޕްރޮގްރާމުގައި ވަކިވަކި މާއްދާތަކުގެ ގޮތުގައި ހަދަންޖެހޭ ޔުނިޓްތަކަށެވެ.

(އ) "ދަރިވަރު" ކަމަށް ބުނެފައި އެވަނީ، މި ސްކޮލަރށިޕްގެ ދަށުން ކިޔެވުމަށް ހޮވިފައިވާ ދަރިވަރުންނަށެވެ.

(ވ) "ޕްރޮގްރާމު" ނުވަތަ "ކޯސް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސްކޮލަރށިޕްގެ ދަށުން ދަރިވަރު ބައިވެރިވާ ޕްރޮގްރާމުތަކަށެވެ.

(މ) "ސްކީމް" ކަމަށް ބުނެފައި އެވަނީ، މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ ސްކޮލަރށިޕަށެވެ.

 

20 ވަނަ މާއްދާ - އުސޫލަށް އަމަލުކުރުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

21 ވަނަ މާއްދާ - ކުރީގެ އުސޫލު އުވައިލުން 

މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، 18 ޑިސެންބަރު 2024 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ މި މިނިސްޓްރީގެ އުސޫލު ނަންބަރު 2024-45 (މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ ސްކޮލަރށިޕްގެ އުސޫލު) އުވުނީއެވެ.

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 2021-07)

 

އުވުނު އުސޫލު

މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ ސްކޮލަރށިޕްގެ އުސޫލު (އުސޫލު ނަންބަރު 2024-45)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު