gaanoon_logo
-
އާންމު ބޭނުންތައް

"އާންމު ބޭނުންތައް" ކަމުގައި ބުނެފައި އެވަނީ، ފަޅުރަށެއްގައި ކުރަން ހުށަހަޅާ މަސައްކަތްތައް ކުރުމުގައި ބޭނުންކުރާ އޮޑިދޯނިފަހަރު ލަފާ ފުރުމަށް ބޭނުންވާ ޖެޓީ/ފާލަން ހެދުމަށާއި، ފަޅުގައި ބާއްވަންޖެހޭ އޮޑިދޯނިފަހަރު ބޭއްވުމަށެވެ.

ފަޅުރަށް

"ފަޅުރަށް" ކަމުގައި ބުނެފައި އެވަނީ، މީހުން ދިރިނޫޅޭ އަދި ސަރުކާރުން އެ ރަށަކީ ފަޅުރަށެއް ކަމުގައި ކަނޑައަޅައިފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ލޮނުގަނޑުން މައްޗަށް އުފުލިފައިވާ، ވެއްޔާއި ގައު އަދި/ނުވަތަ ގަސް އެކުލެވޭ ކޮންމެ ތަނަކާއި، އެ ތަނެއްގެ ވަށައިގެންވާ ފަޅުގެ 500 (ފަސް ސަތޭކަ) މީޓަރުގެ ސަރަހައްދު ނުވަތަ މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން އިތުރުކުރާ ފަޅުގެ ސަރަހައްދު ހިމެނޭ ގޮތަށެވެ.

ދައުލަތުގެ ބޭނުން

"ދައުލަތުގެ ބޭނުން" ކަމުގައި ބުނެފައި އެވަނީ، ރާއްޖޭގެ ތަރައްގީގެ މަށްރޫއެއްގެ ދަށުން ނުވަތަ ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމެއްގެ ސަބަބުން ނުވަތަ ރާއްޖޭގެ ބިނާވެށީގެ ޕްލޭނުގެ ދަށުން ކުރިންސުރެ ވަކި ކަމަކަށް ރޭވިފައިވާ ގައުމީ މަސައްކަތަކަށް، ނުވަތަ މުޅި ގައުމުގެ އިގްތިސާދަށް ފައިދާކުރާނެ ފަދަ މަށްރޫއެއް ހިންގުމަށެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރު

"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ ރަށްރަށުގެ ބަނދަރާއި އެ ތަންތަނުގައި ދަތުރުކުރުމަށް ހުންނަ މަގުތަކާއި ފަޅާއި، ވިލާއި، ފަރާއި، ހާހަލާއި، ގިރި ހިމެނޭގޮތުން، ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، ހާއްސަ އިގުތިސާދީ ސަރަހައްދު ހިމެނޭގޮތަށް ވާ ކަނޑުގެ ސަރަހައްދުގައި ދުއްވުމަށް ހާއްސަކޮށްގެން ރަޖިސްޓަރީކޮށްފައިވާ ލޯކަަލް އުޅަނދުފަހަރެވެ.

ކޮލީށަން

"ކޮލީށަން" ކަމަށް ބުނެފައި އެވަނީ، ދުއްވާފައިދާ އުޅަނދެއް އެހެން އުޅަނދެއްގައި ނުވަތަ ތަނެއްގައި ނުވަތަ މީހެއްގެ ގައިގައި ޖެހިގެން ހިނގާ ހާދިސާއަކަށެވެ. 

މެނިފެސްޓް

"މެނިފެސްޓް" ކަމަށް ބުނެފައި އެވަނީ، އުޅަނދުން ދަތުރުކުރާ މީހުންގެ އަދަދާއި އެ މީހުން ނިސްބަތްވާ ގައުމު އެނގޭނެގޮތަށް ތައްޔާރު ކުރާ ލިޔުމަށެވެ.

ލޭށިން

"ލޭށިން" ކަމަށް ބުނެފައި އެވަނީ، އުޅަނދުން އުފުލާ މުދާ ވާވެލާވެލިން އައްސައި ނުގުޑާނެގޮތަށް ރައްކާތެރިކަމާއެކު ބެއްޓުމަށެވެ.

ނުރައްކާތެރި މުދާ

"ނުރައްކާތެރި މުދާ" ކަމަށް ބުނެފައި އެވަނީ، ކާގޯގެ ގޮތުގައި އުފުލާ ކައްކާ ގޭހާއި ޕެޓްރޯލް ފަދަ ތަކެއްޗެވެ. 

ކެޕްޓަން

"ކެޕްޓަން" ކަމަށް ބުނެފައި އެވަނީ، އުޅަނދު ދުއްވުމާއި އުޅަނދުގެ ނިޔަމިކަމާއި ސަލާމަތާއި ރައްކާތެރިކަމާއި ހަވާލުވެގެން އުޅަނދުގައި ހުންނަ ޒިންމާ އުފުލާ އެންމެ އިސް މީހާއަށެވެ.

ފަޅުވެރިން

"ފަޅުވެރިން" ކަމަށް ބުނެފައި އެވަނީ، މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައިވާ، އުޅަނދުގައި ވަޒީފާ އަދާކުރާ ކެޕްޓަން ފިޔަވައި އެހެން މީހުންނަށެވެ.  

ރަޖިސްޓަރީ (އުލަނދުފަހަރާއި ގުޅޭ)

"ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ މަސައްކަތް ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އިދާރާއިން ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމަށްފަހު އެ އުޅަނދާބެހޭ މަޢުލޫމާތު ހިމެނޭގޮތަށް އެ އުޅަނދުގެ މިލްކުވެރިފަރާތް އެނގޭނެހެން ތައްޔާރުކޮށް އުޅަނދުގެ ވެރިފަރާތަށް ދޫކުރާ ރަސްމީ ލިޔުމަށެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު

"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދުގައިވާ ރަށްރަށުގެ ބަނދަރާއި އެ ތަންތަނުގައި ދަތުރުކުރުމަށް ހުންނަ މަގުތަކާއި ފަޅާއި، ވިލާއި، ފަރާއި، ހާހަލާއި، ގިރި ހިމެނޭގޮތުން، ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، ހާއްޞަ އިގުތިޞާދީ ސަރަހައްދު ހިމެނޭގޮތަށް ވާ ސަރަހައްދުތަކަށެވެ.

އުޅަނދު

"އުޅަނދު" ކަމަށް ބުނެފައި އެވަނީ، ކަނޑުގައި ނުވަތަ ފެނުގައި މުދާ ނުވަތަ މީހުން ނުވަތަ މީހުންނާއި މުދާ އުފުލުމަށް ބޭނުންކުރާ އެއްޗިއްސަށެވެ. އުޅަނދުގެ މާނައިގައި ބޮއްކުރާ، ޑިންގީ، ދޯނި، ބައްތެލި، ލާންޗު، ޔޮޓު، ފެރީ އުޅަނދު، ސަފާރީ އުޅަނދު، ލަގްޒަރީ އުޅަނދު، ހައުސްބޯޓު، ބަނޑު، ކޮޅުވެއްޓި، ޓަގް ބޯޓު، ކޮންނަ ބޯޓު، ހައިޑްރޯފޮއިލް، ފުލައިޓް ށިޕް، ހޯވަރކްރާފްޓް، އޯފްށޯރ ޕްލެޓްފޯމް، އިންޖީނު ނާޅާ އުޅަނދުފަހަރު، މޫދު ކުޅިވަރަށް ބޭނުންކުރާ ކަނޑުގައި ދުއްވާ އުޅަނދު އަދި އަޑިންދާ ބޯޓް (ސަބްމެރީން) ހިމެނެއެވެ.

ބަދަލު ހިފުން (ވިސްލްބްލޯކުރުމާއި ގުޅޭ)

"ބަދަލު ހިފުން" ކަމަށް ބުނެފައި އެވަނީ، ވިސްލްބްލޯކުރާ ފަރާތެއް (ހ) ވަޒީފާއިން ވަކިކުރުން ނުވަތަ (ށ) ޒިންމާތަކުން އެކަހެރިކުރުން، ނުވަތަ (ނ) ވަޒީފާ އަދާކުރާ ތަން ނުވަތަ ޑިޕާޓްމަންޓް ނުވަތަ ސެކްޝަން ބަދަލުކުރުން ނުވަތަ ޑިމޯޓްކުރުން، ނުވަތަ (ރ) މަސައްކަތު ގަޑި މަދުކުރުން، ގިނަކުރުން ނުވަތަ ބަދަލުކުރުން، ނުވަތަ (ބ) ޕްރޮބޭޝަންގައި ބެހެއްޓުން، ނުވަތަ (ޅ) އަދަބެއް ދިނުމުގެގޮތުން ވަޒީފާއާ ގުޅޭ އެއްވެސް އިނާޔަތެއް ނުދިނުން، ނުވަތަ އެފަދަ އިނާޔަތަކާމެދު ގޮތެއް ނިންމުން ލަސްކުރުން، ނުވަތަ (ކ) ވަޒީފާގެ ކުރިއެރުން ނުދިނުން، ނުވަތަ ތަމްރީނުގެ ފުރުޞަތު ނުދިނުން، ނުވަތަ އެފަދަ ފުރުޞަތުތައް ހަނިކުރުން، ނުވަތަ (އ) މަޤާމު ދަށްކުރުން ނުވަތަ އިނާޔަތްތައް ދަށްކުރުން، ނުވަތަ (ވ) ވަޒީފާއާ ގުޅޭގޮތުން ނަސޭހަތްދިނުން ނުވަތަ އިންޒާރުދިނުން، ނުވަތަ (މ) ގެއްލުން ދިނުމާއި، ބިރުދެއްކުމާއި، އިންޒާރުދިނުން، ނުވަތަ (ފ) ވިސްލްބްލޯކުރާ މީހަކާމެދު ހިންގޭ އެފަދަ އެހެންވެސް ކަންކަމަށެވެ.

ޖިސްމާނީ ރައްކައުތެރިކަން (ވިސްލްބްލޯކުރުމާއި ގުޅޭ)

"ޖިސްމާނީ ރައްކައުތެރިކަން" ކަމަށް ބުނެފައި އެވަނީ، ވިސްލްބްލޯ ކުރީތީ، ވިސްލްބްލޯ ކުރި ފަރާތަށް ނުވަތަ އޭނާގެ އާއިލާއަށް ޖިސްމާނީގޮތުން ގެއްލުމެއް ލިބިދާނެކަމުގެ ބިރު އޮވެގެން ނުވަތަ އޭނާގެ މުދަލަށް ގެއްލުމެއް ލިބިދާނެ ބިރު އޮވެގެން، ގަވާއިދުގެ މާއްދާގެ ދަށުން ހިއުމަންރައިޓްސް ކޮމިޝަނަށް އެކަން ހުށަހެޅުމުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އޭނާއާއި އޭނާގެ އާއިލާއާއި މުދަލަށް ލިބެންޖެހޭ ރައްކައުތެރިކަމާއ ޙިމާޔަތަށެވެ.