gaanoon_logo
-
ކެމްޕަސް

"ކެމްޕަސް" ކަމަށް ބުނެފައި އެވަނީ، ކޮލެޖްތަކުގެ މައި މަރުކަޒު ފިޔަވައި އެހެން ތަނެއްގައި އެ މަރުކަޒަކުން ދޭ ހިދުމަތްތަކެއް ދިނުމަށް ގާއިމްކުރެވޭ ގޮތްޕަށެވެ.

ކޮލެޖް

"ކޮލެޖް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ކޮލެޖެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ މަތީ ތައުލީމާއި ތަމްރީނުދޭ ހުރިހާ ތަންތަނަށެވެ.

އައުޓްރީޗް ސެންޓަރ

"އައުޓްރީޗް ސެންޓަރ" ކަމަށް ބުނެފައި އެވަނީ، އިންސްޓިޓިއުޓުގެ މައި މަރުކަޒު ފިޔަވައި އެހެން ތަނެއްގައި، އެ މަރުކަޒަކުން ދޭ ހިދުމަތްތަކެއް ދިނުމަށް ގާއިމްކުރާ ގޮތްޕަށެވެ.

އިންސްޓިޓިއުޓް

"އިންސްޓިޓިއުޓް" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި، މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގުރާމްތައް ހިންގުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަންތަނަށެވެ.

އިންސްޓިޓިއުށަނަލް އޮޑިޓް

"އިންސްޓިޓިއުށަނަލް އޮޑިޓް" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކޮށް ވަޒަންކުރުމަށް ބޭނުންކުރާ މިންގަނޑަށެވެ.

ފުލްޓައިމް ލެކްޗަރަރއިން

"ފުލްޓައިމް ލެކްޗަރަރއިން" ކަމަށް ބުނެފައި އެވަނީ، އިންސްޓިޓިއުޓެއްގައި ނޫނީ ކޮލެޖެއްގައި ކޮންމެ ހަފުތާއަކު މަދުވެގެން 25 (ފަންސަވީސް) ގަޑިއިރު ކިޔަވައިދިނުމުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.

ފުލްޓައިމް ދަރިވަރުން

"ފުލްޓައިމް ދަރިވަރުން" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ފުލްޓައިމް ކޯސްތައް ކަމަށް ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭ، އެވްރެޖްގޮތެއްގައި 120 (އެއްސަތޭކަ ވިހި) ކްރެޑިޓް ފުރިހަމަކުރާ ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށެވެ.

މަރުކަޒު (ތަުއލީމާޢި ބެހޭ)

"މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނު ދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަންތަނަށެވެ.

މަތީ ތައުލީމާއި ތަމްރީނު

"މަތީ ތައުލީމާއި ތަމްރީނު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ މަރުކަޒެއްގައި ދެވޭ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލަކަށް ފެތޭ ތައުލީމާއި ތަމްރީނުގެ ޕްރޮގުރާމްތަކަށާއި، ނޭށަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްގައި ބަޔާންކުރާ، އަދި އެ ސްޓޭންޑަރޑަށް ތައްޔާރުކޮށް ހިންގާ، މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކަށެވެ.

މަންފާ

"މަންފާ" ކަމަށް ބުނެފައި އެވަނީ، ކޮރަޕްށަންގެ އަމަލަކާ ގުޅޭގޮތުން ނުވަތަ ކޮރަޕްށަންގެ ކުށަކާ ގުޅޭގޮތުން، ހޯދައިގަނެވޭ، ނުވަތަ ބަލައިގަނެވޭ، ނުވަތަ ދިނުމަށް ހުށަހަޅާ ނުވަތަ ދޭ ނުވަތަ ދިނުމަށް ބުނާ ނުވަތަ އަމުރުކުރާ، ނުވަތަ ބަލައިގަންނަ ނުވަތަ ބަލައިގަތުމަށް އެދޭ ނުވަތަ ބަލައިގަތުމަށް ހުށަހަޅާ ނުވަތަ ބަލައިގަތުމަށް އެއްބަސްވާ، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް، ނުވަތަ އެއްޗެހީގެ ތެރެއިން އެއްޗަކަށެވެ.

  1. ހަދިޔާ؛
  2. ލޯނު؛
  3. ފީ؛
  4. އުޖޫރަ؛
  5. ޑިސްކައުންޓް؛
  6. ކޮމިށަން؛
  7. ފައިސާ ނުވަތަ ފައިސާއިން އަގުކުރެވޭ މުދާ؛
  8. ފައިސާއަކާ ގުޅޭގޮތުން ނުވަތަ މުދަލަކާ ގުޅޭގޮތުން އުފައްދައިދޭ ހައްގު ނުވަތަ މަސްލަހަތު؛
  9. ހުއްދަ އާމްދަނީ ފިޔަވައި އެހެން އެއްވެސް އެއްޗެއް؛
  10. މަގާމެއް ނުވަތަ ވަޒީފާއެއް ނުވަތަ ކޮންޓްރެކްޓެއް؛
  11. ތަނަކަށް އުފުލަންޖެހޭ މުދަލެއް އުފުލައިދިނުން؛
  12. ތަނަކަށް ދައްކަންޖެހޭ މާލީ ޒިންމާއަކުން ބަރީއަކޮށްދިނުން؛
  13. ދަރަނީގެ ޒިންމާއެއް ނިމުމަކަށް ގެނެސްދިނުން؛
  14. ލޯނެއް އަދާކޮށްދިނުން؛
  15. ތިމާ އަދާކުރަންޖެހޭ ވާޖިބެއް އަދާކޮށްދިނުން؛
  16. ތިމާ އަދާކުރަންޖެހޭ ދަރަންޏެއް އަދާކޮށްދިނުން ނުވަތަ އެއިން ބައެއް އަދާކޮށްދިނުން؛
  17. ތިމާ ހޯދާ މުދަލަކަށް ނުވަތަ ހިދުމަތަކަށް ދައްކަންޖެހޭ އަގު ނޫން ކުޑަ އަގެއް ދައްކަންޖެހުން؛
  18. ބޭނުންކުރެވެން އޮތް ހައްގެއް ބޭނުންނުކޮށް ދޫކޮށްލުން؛
  19. ބޭނުންކުރެވެން އޮތް ބާރެއް ބޭނުންނުކޮށް ދޫކޮށްލުން؛
  20. އެނޫންވެސް މަންފާ، ނުވަތަ ހިދުމަތް ނުވަތަ އެހީ.
ރަސްމީ ހައިސިއްޔަތު

"ރަސްމީ ހައިސިއްޔަތު" ކަމަށް ބުނެފައި އެވަނީ ދައުލަތުގެ މުވައްޒަފަކު، ރަސްމީ ގޮތުން އަދާކުރަންޖެހޭ ދައުލަތުގެ ވާޖިބެއްގެ ދަށުން ކުރާ ކަންކަމަށާއި ނުކޮށް ދޫކޮށްލާ ކަންކަމަށެވެ. ނުވަތަ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް މަންފާއެއް ދިނުމަށް ނުވަތަ ނުދިނުމަށް ދައުލަތުގެ މުވައްޒަފަކަށް، ލިބިދޭ ބާރުގެ ބޭނުންކުރުމަށާއި ބޭނުންނުކުރުމަށެވެ.

ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަޙައްދު

"ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަޙައްދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާ އިންވެގެން އޮންނަ އަދި ކަނޑުގެ ސަރަޙައްދު ގުނަން ފަށާ ހިސާބުން ފެށިގެން 200 ނޯޓިކަލް މޭލާ ހަމައަށް އެ ފުޅާމިނުގައި އޮންނަ ކަނޑުގެ ސަރަޙައްދަށެވެ. އަދި އެ ސަރަޙައްދުގެ ތެރޭގައިވާ ކަނޑުއަޑީގެ ބިމާއި، ދިރުންހުރި އެއްޗެއްސާއި ދިރުންނެތް އެއްޗެއްސާއި އިޤްތިޞާދީ ވަސީލަތްތަކާއި ކަނޑާ ގުޅުންހުރި އެކިއެކި ސައިންޓިފިކް ތަޙުލީލުތައް ކުރުމާއ ޕޮލިއުޝަން ހިފެހެއްޓުމާއި މިކަންކަން ކުރުމުގެ ބާރު ދިވެހިރާއްޖެއަށް ލިބިގެންވާ ސަރަޙައްދަށެވެ

ޖިންސީ މުއާމަލާތް

"ޖިންސީ މުއާމަލާތް" ކަމަށް ބުނެފައި އެވަނީ، ތިމާއާ އެއް ޖިންސުގެ މީހަކާއެކު ނުވަތަ ތިމާ އިނދެގެންއުޅޭ މިހާ ފިޔަވައި، އެހެން މީހަކާއެކު ނުވަތަ ޖަނަވާރަކާއެކު ޖިންސީ އަރާމެއް ހޯދުމުގެ ބޭނުމުގައި، ގާނޫނު ނަންބަރު 9/2014 (ގާނޫނުލްއުގޫބާތު) ގެ 411 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދެ ކުށަށް ނުހިމެނޭ ގޮތުން ހިންގާ ބަދު އަހްލާގީ އަމަލުތަކަށެވެ.

ޖިންސީ ގުނަވަން

"ޖިންސީ ގުނަވަން" ކަމަށް ބުނެފައި އެވަނީ، ކުރިމަތިފަރާތް ނުވަތަ ފުރަގަސްފަރާތް ނުވަތަ އަންހެނާގެ އުރަމައްޗަށެވެ

ރޭޕްކުރުން

"ރޭޕްކުރުން" ކަމަށް ބުނެފައި އެވަނީ، އެމީހެއްގެ ރުހުމަކާނުލައި، އަންހެނެއްގެ ކުރިމަތިފަރާތަށް ނުވަތަ ފުރަގަސްފަރާތަށް ފިރިހެނެއްގެ ޖިންސީ ގުނަވަން ނުވަތަ އެނޫންވެސް ގުނަވަނެއް ނުވަތަ އެއްޗެއް ކިތަންމެ ކުޑަކޮށް ނަމަވެސް ވެއްދުން ނުވަތަ ފިރިހެނެއްގެ ފުރަގަސްފަރާތަށް ފިރިހެނެއްގެ ޖިންސީ ގުނަވަން ނުވަތަ އެނޫންވެސް ގުނަވަނެއް ނުވަތަ އެއްޗެއް ކިތަންމެ ކުޑަކޮށް ނަމަވެސް ވެއްދުމަށެވެ. އެދުން ފުދުން ލާޒިމެއް ނޫނެވެ