gaanoon_logo
-
ހަނގުރާމަމަތީ އުޅަނދު
"ހަނގުރާމަމަތީ އުޅަނދު" ކަމަށް ބުނެފައިވަނީ، ސިފައިންގެ އުޅަނދުތަކާއި އެއުޅަނދެއްގައި ހުރި ހަތިޔާރުގެ ސަބަބުން ހަނގުރާމަވެރި ގޮތެއްގައި އެއުޅަނދެއް ބޭނުންކުރެވިދާނެ ކޮންމެ އުޅަނދަކެށެވެ.
ހިއްސާގެ މޫނުމަތީ އަގު
"ހިއްސާގެ މޫނުމަތީ އަގު" ކަމަށް ބުނެފައި ވަނީ، ކުންފުންޏެއްގެ ހުއްދަ ދީފައިވާ ރައުސުމާލު، ހިއްސާތަކަށް ބަހާލުމަށްފަހު، ކޮންމެ ހިއްސާއަކަށް ޖެހޭ އަދި ހިއްސާއެއްގެ އަގުކަމަށް ހިއްސާގެ ސެޓްފިކެޓްގައި ބަޔާން ކޮށްފައިވާ އަގަށެވެ.
ހާއްސަ ގަރާރު
"ހާއްސަ ގަރާރު" ކަމަށް ބުނެފައި ވަނީ، ކުންފުނީގެ އާންމު ޖަލްސާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައި މެންބަރުންގެ އަގްލަބިއްޔަތުން ފާސްކުރާ ކޮންމެ ގަރާރަކަށެވެ.
ހެޖްކުރުން
"ހެޖްކުރުން" ކަމަށް ބުނެފައި އެވަނީ، ވިޔަފާރީގައި، މުސްތަގުބަލުގައި އަގަށް އަތުވެދާނެ ބަދަލަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް ކުރެވޭ ކަންތައްތަކަށެވެ.
ކަސްޓޯޑިއަލް އެގްރީމެންޓް
'ކަސްޓޯޑިއަލް އެގްރީމެންޓް' ކަމަށް ބުނެފައި އެވަނީ ކަސްޓަމަރާއި ކަސްޓޯޑިއަންއާ ދެމެދުގައި ވެވޭ އެއްބަސްވުމަށާއި ކަސްޓަމަރުގެ އެސެޓްތައް (ކަސްޓޯޑިއަލް އެސެޓްތައް) ބެލެހެއްޓުމަށް ކަސްޓޯޑިއަން ކަނޑައަޅާ ށަރުތުތަކަށެވެ. އޭގެ ތެރޭގައި ރައްކާތެރިކޮށް ބެލެހެއްޓުމާއި ލިބިގަތުން އަދި ދޫކޮށްލުން ފަދަ ކަންތައްތައް ހިމެނެއެވެ.
ހިއްސާއަކަށް ޖެހޭ ނެޓް އެސެޓް ވެލިއު
"ހިއްސާއަކަށް ޖެހޭ ނެޓް އެސެޓް ވެލިއު"، ކަމަށް ބުނެފައި އެވަނީ، އިންވެސްޓްމަންޓް ފަންޑުގެ ނެޓް އެސެޓުގެ ޖުމުލަ ވެލިއު، ދޫކޮށްފައިހުރި ހިއްސާއިން ގެއްލުމުން ޖެހޭ އަދަދަށެވެ.
ޖީ.އެސް.ޓީ ބަޔާން
"ޖީ.އެސް.ޓީ ބަޔާން" ކަމަށް ބުނެފައި އެވަނީ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 10/2011) ގެ 27 ވަނަ މާއްދާގެ ދަށުން ތައްޔާރުކޮށް ހުށަހަޅާ ބަޔާނަށެވެ.
ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތް
"ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ވިޔަފާރި ފަށައިގަތުމާބެހޭ ތަމްރީނު ދިނުމާއި، ވިޔަފާރީގެ ޕްލޭންތައް ތައްޔާރު ކުރުމާއި، މާލީ ކަންކަމާއި، މާކެޓް ކުރުމާ ގުޅެ ހިދުމަތްތައް ހިމެނޭގޮތުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ވިޔަފާރި ކުރިއެރުވުމާއި ތަރައްގީ ކުރުމާ ގުޅުންހުރި ހިދުމަތްތަކަށެވެ.
ފެރީ އުޅަނދު
"ފެރީ އުޅަނދު" ކަމަށް ބުނެފައި އެވަނީ މީހުން އެއްތަނުން އަނެއްތަނަށް ކަނޑުމަގުން އުފުލުމަށް ބޭނުންކުރާ އެކި ވައްތަރުގެ އުޅަނދަށެވެ.
ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް
"ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރުކާރުގެ ބޭނުންތަކަށް، ރާއްޖޭގެ ތަރައްގީއަށްޓަކައި، ދިވެހިރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ސިޔާސަތު ކަނޑައެޅުމާއި ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށް ސަރުކާރުން ކަނޑައަޅާ ތަފާސްހިސާބާއި، އަދި ރާއްޖެއިން އެއްބަސްވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެހެނިހެން ބައިނަލްއަގްވާމީ ނިންމުންތަކުގެ މަތިން ދިވެހިރާއްޖެއިން ނަގައި ބަލަހައްޓަން ލާޒިމުވާ ތަފާސްހިސާބެވެ. އަދި މިއީ ތަފާސްހިސާބާބެހޭ މައި އިދާރާއިން ކަނޑައަޅާ އިއުލާނުކުރާ ތަފާސްހިސާބެވެ.
ތަފާސްހިސާބުގެ ގައުމީ ނިޒާމު
"ތަފާސްހިސާބުގެ ގައުމީ ނިޒާމު" ކަމަށް ބުނެފައިވާ މާނައިގައި ރާއްޖޭގައި ސަރވޭކޮށްގެންނާއި އެހެނިހެން ގޮތްގޮތުން ތަފާސްހިސާބާބެހޭ މައުލޫމާތު އެއްކުރުމަށް ގާނޫނެއްގެ ދަށުން ނުވަތަ އެނޫން ގޮތަކަށް ނަމަވެސް ހުއްދަ ދީފައިވާ ސަރުކާރާއި ސަރުކާރު ނޫން އޮފީސްތަކާއި އިދާރާތައް ހިމެނެއެވެ.
އިންސިޑެންޓް ފޯމު
"އިންސިޑެންޓް ފޯމު" ކަމަށް ބުނެފައިއެވަނީ، ކުށުގެ ވެއްޓަށް ނުވަތަ ހާދިސާ ހިނގިތަނަށްދާ ފުލުހުން އެއްކުރާ އެންމެހައި މައުލޫމާތު ލިޔެ، ރިކޯޑުކުރާ ފޯމަށެވެ.
ޕަބްލިކް ސަރވިސް މުވައްޒިފުން
"ޕަބްލިކް ސަރވިސް މުވައްޒިފުން" ކަމަށް ވުނެފައި އެ ވަނީ ދައުލަތުގެ މިނިވަން މުއައްސަސާތަކުގައި އެ ތަންތާގެ މަސައްކަތް ކުރުމަށްޓަކައި އެ މުއައްސަސާއިން ވަޒީފާ ދޭ މީހުންނަށެވެ.
ޕްރެޒިޑެންށިއަލް ސަރވިސްގެ މުވައްޒިފުން
"ޕްރެޒިޑެންށިއަލް ސަރވިސްގެ މުވައްޒިފުން" ކަމަށް ބުނެފައި އެވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރިޔާސީ ގަނޑުވަރުގައި ވަޒީފާ އަދާކުރާ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ފިޔަވައި އެހެން މީހުންނަށާއި، ރައީސުލްޖުމްހޫރިއްޔާ އާއި އޭނާގެ ނާއިބުގެ ހިދުމަތުގައި ތިބޭ އެކިއެކި މުވައްޒިފުންނަށެވެ.
މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތް
"މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، މޮބައިލް ޕޭމަންޓް ހިދުމަތް ދިނުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ ކޮންމެ އިދާރާއަކަށެވެ.