އެއްގަމު ދަތުރުފަތުރުގެ ގާނޫނު
(ގާނޫނު ނަންބަރު 2009-05)
1 ވަނަ މާއްދާ – ތައާރަފު
މި ގާނޫނަކީ، ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމާއި، ދުއްވުމާއި، އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމާއި، އެއްގަމު ދަތުރުފަތުރު ކުރުމާއި، އެއްގަމު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާއި، އެއްގަމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ތަންތަން ރަޖިސްޓަރީ ކުރުމާއި، އެއްގަމު ދަތުރުފަތުރުގެ ހިދުމަތް ދިނުމާއި، މި ނޫނަސް އެއްގަމު ދަތުރުފަތުރުގެ ނިޒާމާ ގުޅޭ އެންމެހައި ކަންތައްތަކާބެހޭ ގާނޫނެވެ.
2 ވަނަ މާއްދާ – ނަން
މި ގާނޫނަށް ކިޔާނީ، "އެއްގަމު ދަތުރުފަތުރުގެ ގާނޫނު" އެވެ.
3 ވަނަ މާއްދާ - ގާނޫނު ހިންގުމާއި ގަވާއިދު ހެދުން
(ހ) މި ގާނޫނު ހިންގާނީ، އަދި މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް އެވަގުތަކު ސަރުކާރުން ހަމަޖައްސާ މިނިސްޓްރީއަކުންނެވެ.
(ށ) މީގެފަހުން މި ގާނޫނުގައި މިނިސްޓްރީ ކަމަށް ބުނެފައިވަނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިނިސްޓްރީއަށެވެ.
(ނ) ދިވެހިރާއްޖޭގައި އެއްގަމު ދަތުރުފަތުރުގެ އެންމެހައި ކަންތައްތައް ތަރައްގީ ކުރެވޭނެ ގޮތްތައް ހޯދައި، އާންމު ދަތުރުފަތުރުގެ ނިޒާމު ރާވައި އަދި މިނޫންވެސް އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހައި ކަންތައްތައް ހިންގައި ބަލަހައްޓާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން އެކަމަކަށް އައްޔަންކުރާ ފަރާތަކުންނެވެ.
4 ވަނަ މާއްދާ - ފައިސާ ޖަމާކުރުން
މި ގާނޫނަށް އަމަލުކުރަން ފެށުމާއިއެކު މި ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާތަކާއި، ނެގޭ ފީތަކާއި އަދި މިނޫންވެސް އާމްދަނީގެ ގޮތުގައި ލިބޭ ހުރިހައި ފައިސާއެއް ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގައިވާ ގޮތުގެމަތީން ކޮންސޮލިޑޭޓަޑް ރެވެނިޔު އެކައުންޓަށް ލަސްނުކޮށް ޖަމާކުރާންވާނެއެވެ.
5 ވަނަ މާއްދާ - ބަންޑާރަ މަގުތަކުގައި އެއްގަމުގައި ދުއްވާ ތަކެތި ދުއްވުމާބެހޭ އުސޫލުތަކާއި ޓްރެފިކް ނިށާންތައް ކަނޑައެޅުމުގެ ބާރު
(ހ) ބަންޑާރަ މަގުތަކުގައި ޓްރެފިކް ބައްތި ބެހެއްޓުމާއި ނެގުމާއި އަދި ބަދަލު ކުރުމުގެ އިހްތިޔާރު މި ގާނޫނުގެ ދަށުން މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެން ވެއެވެ.
(ށ) ބަންޑާރަ މަގުތަކުގައި، އުޅަނދުފަހަރު ދުއްވުމުގެ ސްޕީޑް ކަނޑައަޅައި އަދި ދުއްވުމުގެ ސްޕީޑް އަންގައިދޭ ނިށާންތައް ބެހެއްޓުމާއި ބަދަލުކުރުމުގެ އިހްތިޔާރު މި ގާނޫނުގެ ދަށުން މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.
(ނ) އެއްކޮޅަށް ދުއްވާ ބަންޑާރަ މަގުތައް ކަނޑައެޅުމާއި އުވާލުމާއި، ވަށްބުރު ހެދުމާއި، އަދި ސްޕީޑް ބްރޭކަރު ބެހެއްޓުމާއި، ނެގުމާއި އަދި މިފަދަ ކަންތައްތައް ކުރުމުގެ ބާރާއި ބަދަލު ގެނައުމުގެ ބާރު މި ގާނޫނުގެ ދަށުން މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.
(ރ) ބަންޑާރަ މަގުތަކުގައި އެއްގަމު އުޅަނދު ޕާކު ކުރުމާއި، މަޑުކުރުމާއި، މަޑުކުރަންޖެހޭ ތަންތަނާއި މަޑުކުރުން މަނާ ތަންތަނާއި، މަޑުކުރުން ނުވަތަ ޕާކު ކުރުން މަނާ ވަގުތު ކަނޑައެޅުމާއި، ވަކިބާވަތެއްގެ އުޅަނދު ވަނުން ނުވަތަ ޕާކު ކުރުން މަނާ ތަންތަނާއި ސަރަހައްދާއި ވަގުތު ކަނޑައެޅުމާއި، އެއްގަމު އުޅަނދު ވަނުން މަނާ މަގުތަކާއި ސަރަހައްދުތައް ކަނޑައެޅުމާއި، މަގުތަކާއި މަގުތަކުގެ ހާލަތު އަންގައިދޭ ޓްރެފިކް ނިށާންތައް ކަނޑައެޅުމާއި، އެއްގަމު އުޅަނދުފަހަރަށް މުދާ އަރުވާ ބާލާ ސަރަހައްދުތަކާއި ގަޑިތައް ކަނޑައެޅުމާއި އާންމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރެވިދާނެ ކަންތައްތައް ކަނޑައަޅައި ހިންގައި ބަލަހައްޓާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ.
6 ވަނަ މާއްދާ - ޓްރެފިކް ނިށާންތަކަށް އަމަލުކުރުން
(ހ) ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުމަށްޓަކައި މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ގާއިމުކޮށްފައި ހުންނަ ޓްރެފިކް ނިށާންތަކާ ހިލާފަށް، އެއްގަމު އުޅަނދު ދުއްވުމާއި ގެންދިޔުމާއި، ޕާކު ކުރުމަކީ މަނާކަމެކެވެ.
(ށ) އެއްކޮޅަށް ދުއްވަން ކަނޑައެޅިފައިވާ މަގުތަކުގައި އެއާ ހިލާފަށް ދުއްވުމާއި، އަދި ޓްރެފިކް ބައްތިއާއި ހިލާފަށް ދުއްވި މީހާގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން، ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު 1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފިޔަވައި، އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ޓްރެފިކް ނިށާންތަކާއި ހިލާފަށް އަމަލުކުރާމީހާގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 250 (ދުއިސައްތަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
7 ވަނަ މާއްދާ - ރައްކާތެރިކަމާއި ދުވެލީގެ މިންވަރު
(ހ) ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކާއި އެކި މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުމަށް ހުއްދަކުރާ ދުވެލީގެ ބާރުމިން ކަނޑައެޅުމާއި ބަދަލުކުރުމުގެ އިހްތިޔާރު މި ގާނޫނުގެ ދަށުން މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. މިގޮތުން އެކި މަގުތަކާއި އެކި ސަރަހައްދުތަކަށް ހުއްދަކުރެވިފައިވާ ދުވެލީގެ ބާރުމިން އަންގައިދޭ ނިށާން ފަސޭހައިން ފެންނާނޭހެން އެމަގެއްގައި ނުވަތަ އެ ސަރަހައްދެއްގައި ބަހައްޓާފައި ހުންނަންވާނެއެވެ.
(ށ) މިނިސްޓްރީން އެކަމަށް ހަދާ ގަވާއިދުގައިވާ ގޮތުގެމަތީން ވަކި މިންގަނޑަކަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވުމަށް ހުއްދަކޮށްފައިވާ
ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި، ދެފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވަންވާނީ، ސީޓް ބެލްޓް އަޅައިގެންނެވެ.
(ނ) މިނިސްޓްރީން އެކަމަށް ހަދާ ގަވާއިދުގައިވާ ގޮތުގެމަތީން ވަކި މިންގަނޑަކަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވުމަށް ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި، ދެފުރޮޅުލީ އެއްގަމު އުޅަނދު ދުއްވަންވާނީ، ހެލްމެޓް އަޅައިގެންނެވެ.
(ރ) މި ގާނޫނު ތަސްދީގުކުރާ ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މި މާއްދާގެ (ށ) އަދި (ނ) އަށް އަމަލުކުރަން ފަށަންވާނެއެވެ.
(ބ) އެއްގަމު އުޅަނދު ދުއްވުމަށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކުން ކަނޑައަޅާ ދުވެއްޔަށްވުރެ ބާރަށް، އުޅަނދު ދުއްވި މީހާގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުން، ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
8 ވަނަ މާއްދާ - މަގުގެ ވާތް ފަރާތުން ދުއްވުން
ބަންޑާރަ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވަންވާނީ، މަގުގެ ވާތް ފަރާތުންނެވެ.
9 ވަނަ މާއްދާ – ރޯޑްވާދިނަސް
(ހ) އަލަށް ރަޖިސްޓަރީކުރާ، ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ބާވަތްތަކުގެ އުޅަނދުތަކުގެ ރޯޑްވާދިނަސް، މިނިސްޓްރީން ކަނޑައަޅާ މުއްދަތުތަކެއްގެ ތެރޭގައި ހަދަންވާނެއެވެ.
(ށ) މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން އެކަމަށް ކަނޑައަޅާފައިވާ ފަރާތަކަށް، އެއްގަމު އުޅަނދެއްގެ ރޯޑްވާދިނަސް ފުރިހަމަ ނުވާކަމަށް ފާހަގަކުރެވިއްޖެނަމަ، އެފަދަ އުޅަނދުގެ ރޯޑްވާދިނަސް ބާތިލުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ނ) ރޯޑްވާދިނަސް ހެދުމާއި، ސަރޓިފައިކޮށްދިނުމާއި، އެ މަސައްކަތަށް މީހުން އައްޔަންކުރުމާއި، އެފަދަ ފަރާތްތަކުގެ ފެންވަރު ކަނޑައެޅުމާއި، ރޯޑްވާދިނަސް ހެދުމަށް ނަގާ އަގު ކަނޑައަޅާނީ، މިނިސްޓްރީންނެވެ. މިގޮތުން ރޯޑްވާދިނަސް ހެދުމަށް މިނިސްޓްރީން ކަނޑައަޅާ އަގު، އެ އުޅަނދެއްގެ އަހަރީ ފީގެ %10 އަށްވުރެ ބޮޑުވެގެން ނުވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރޯޑްވާދިނަސްއަށް ދެވިފައިވާ މުއްދަތު ހަމަވެ އާނުކުރާ އުޅަނދުތަކުގެ ރޯޑްވާދިނަސް ބާތިލު ވާނެއެވެ. އަދި އެފަދަ އުޅަނދު، އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރުމާއި، ކޮންސްޓްރަކްށަން ސައިޓްތަކުގައި ބޭނުންކުރުމަކީ މަނާކަމެކެވެ.
10 ވަނަ މާއްދާ - ދުއްވުމާއި ބޭނުންކުރުން
(ހ) ދިވެހިރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވާނީ، ނުވަތަ ބޭނުންކުރަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްގެންނެވެ.
(ށ) ރަޖިސްޓަރީކުރަން ނުޖެހޭ އުޅަނދެއް އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ދުއްވަންވާނީ، ނުވަތަ ބޭނުންކުރަންވާނީ، ރަޖިސްޓަރީކުރަން ނުޖެހޭ ބާވަތްތަކުގެ އުޅަނދު، އެ ނިޒާމުގެ ތެރޭގައި ބޭނުންކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތެއްގެމަތިންނެވެ.
11 ވަނަ މާއްދާ - އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާރ
މި ގާނޫނުގައި ބުނާ އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓަރީ ބަލަހައްޓައި، އުނި އިތުރު ގެނެސް، ރަހުނުގެ ބައި ބަލަހައްޓައި ހެދުމަށްޓަކައި އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާރެއް އައްޔަނުކޮށް، މިކަމާބެހޭ މަސައްކަތް ހިންގޭނެ ގޮތް މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.
12 ވަނަ މާއްދާ - އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ދަފްތަރު
(ހ) އެއްގަމުގައި ދުއްވާ އިންޖީނުލީ ހުރިހާ ބާވަތެއްގެ އުޅަނދުތަކާބެހޭ ދަފްތަރެއް އުފައްދައި އެ އުޅަނދުފަހަރާއި ބެހޭ މައުލޫމާތު އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާރ ލިޔެ ބަލަހައްޓަންވާނެއެވެ. މިގޮތުން ރަހުނުކޮށްފައިވާ އުޅަނދުތައް މިދަފްތަރުގައި ފާހަގަކުރަންވާނެއެވެ.
(ށ) ރަހުނުކޮށްފައިވާކަމަށް މިދަފްތަރުގައި ބަޔާންކުރެވިފައިވާ އުޅަނދެއް ދީ ނުވަތަ ވިއްކާނަމަ، އެކަން ލިޔުމަކުން ރަޖިސްޓްރާރަށް އަންގަންވާނެއެވެ.
(ނ) އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދެއް ރަހުނުކުރެވޭނަމަ އެއުޅަނދެއް ރަހުނުކޮށްދޭފަރާތުން ރަޖިސްޓްރާރަށް އަންގަންވާނެއެވެ.
13 ވަނަ މާއްދާ - އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުން
އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭނީ އެކަމަށް އެދި ރަޖިސްޓްރާރަށް ނުވަތަ ރަޖިސްޓްރާރ ކަނޑައަޅާ ފަރާތަކަށް ހުށަހެޅުމުން، އެ އުޅަނދަކާ ގުޅޭގޮތުން ބަލަންޖެހޭ އެންމެހައި ކަންތައްތައް ބެލުމާއެކު، އަހަރީ ފީ ދައްކަންޖެހޭ އުޅަނދެއްނަމަ، މި ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ އަހަރީ ފީ އާއި ކަނޑައަޅާފައިވާ އިދާރީ ހިދުމަތުގެ އަގު ދެއްކުމުންނެވެ.
14 ވަނަ މާއްދާ - ތަންތަނާއި މީހުން ރަޖިސްޓަރީ ކުރުން
(ހ) އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި މީހުން އުފުލުމަށާއި މުދާ އުފުލުމުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދަކުން އެ ހިދްމަތެއް ދޭންވާނީ، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން އެއުޅަނދެއް ރަޖިސްޓަރީ ކޮށްގެންނެވެ.
(ށ) އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ހިދްމަތެއް ދިނުމަށްޓަކައި އެއްވެސްތަނެއް ހިންގަންވާނީ، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން އެތަނެއް ރަޖިސްޓަރީ ކޮށްގެންނެވެ.
(ނ) އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިދުމަތްދޭ ފަރާތްތަކުން ހިދުމަތް ދިނުމުގައި ހަރަކާތްތެރި ވާންވާނީ، މިނިސްޓްރީން ހަދާ ގަވާއިދުގެ ދަށުން މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގައި ރަޖިސްޓަރީ ކޮށްގެންނެވެ.
(ރ) ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ، ހިދުމަތްދޭ ތަނަކުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދާ ހިލާފުވެއްޖެނަމަ އެކަމުގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ 1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ތިންވަނަ ފަހަރަށްނަމަ 2,000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުން، އެއަށްފަހު މި ގާނޫނާ ހިލާފުވެއްޖެނަމަ، އެތަނެއްގެ ރަޖިސްޓަރީ ބާތިލުކޮށް އުވާލުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
15 ވަނަ މާއްދާ - ވަގުތީގޮތުން ރަޖިސްޓަރީކުރުން
(ހ) ވަކި ހާއްސަ މަސައްކަތެއް ނުވަތަ މަސައްކަތްތަކެއް ކުރުމަށް، ރާއްޖޭން އަނބުރާ ގެންދާގޮތަށް، އެތެރެކުރާ އެއްގަމު އުޅަނދު، ބޭނުންކުރަން ވާނީ، އެ މަސައްކަތެއް ނުވަތަ މަސައްކަތްތަކެއް ކުރުމަށްޓަކައި މިނިސްޓްރީގައި ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގައި ވަގުތީގޮތުން ރަޖިސްޓަރީ ކުރުމަށް ފަހުގައެވެ.
(ށ) ވަގުތީގޮތުން ރަޖިސްޓަރީކޮށްފައި ހުންނަ އެއްގަމު އުޅަނދު ބޭނުންކުރަން ވާނީ، ހަމައެކަނި އެ އުޅަނދު ރަޖިސްޓަރީކޮށްދިން މަސައްކަތަކަށް، އެކަމަށް ކަނޑައެޅިފައިވާ ސަރަހައްދެއްގައި، ކަނޑައެޅިފައިވާ މުއްދަތަކަށެވެ.
(ނ) ވަގުތީގޮތުން ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދެއްގެ ރަޖިސްޓަރީ، އެމަސައްކަތަކަށް އެއުޅަނދު ރަޖިސްޓަރީކޮށްދިން މަސައްކަތެއް ނިމުމުން، ބާތިލުކުރަންވާނެއެވެ.
(ރ) ވަގުތީގޮތުން ރަޖިސްޓަރީ ކޮށްފައިވާ އެއްގަމު އުޅަނދެއް ރާއްޖެއިން އަނބުރާ ގެންދަންވާނީ، ރަޖިސްޓަރީ ބާތިލުކުރުމަށް ފަހުގައެވެ.
(ބ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި މިހާރު ރާއްޖޭގައި ރަޖިސްޓަރީނުކޮށް ބޭނުންކުރެވެމުންދާ އެންމެހައި އުޅަނދުފަހަރު މި މާއްދާގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރަންވާނެއެވެ. އަދި ރަޖިސްޓަރީ ކުރެވިފައިވާ މިފަދަ އުޅަނދުފަހަރު މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން ވަގުތީ ރަޖިސްޓަރީއަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލަންވާނެވެ.
16 ވަނަ މާއްދާ - 18 އަހަރު ނުފުރޭ ކުދިންނާއި ބިދޭސީންގެ ނަމުގައި އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުން
(ހ) މީލާދީގޮތުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ނަމުގައި އެއްގަމު އުޅަނދެއް ރަޖިސްޓަރީ ކޮށްދެވޭނީ، މި ގާނޫނުގެ ދަށުން އުފުލަންޖެހޭ އެންމެހާ ޒިންމާތައް އުފުލާނެ ކަމަށް އެއްބަސްވެ އެކުއްޖެއްގެ ށަރުއީ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިއަކު ހުށަހަޅާ ލިޔުމެއް މިނިސްޓްރީއަށް ލިބުމަށްފަހުގައެވެ.
(ށ) ބިދޭސީއެއްގެ ނަމުގައި އެއްގަމު އުޅަނދެއް ރަޖިސްޓަރީކޮށްދެވޭނީ، އެބިދޭސީއެއްގެ ބަދަލުގައި މި ގާނޫނުގެ ދަށުން އުފުލަންޖެހޭ އެންމެހައި ޒިންމާތައް އުފުލާނެކަމަށް، މީލާދީގޮތުން 18 އަހަރު ފުރިހަމަވެފައިވާ ދިވެހި ރައްޔިތަކު އެއްބަސްވެފައިވާ ލިޔުމެއް މިނިސްޓްރީއަށް ލިބުމަށްފަހުގައެވެ.
17 ވަނަ މާއްދާ - އެއްތަނުން އަނެއްތަނަށް ދުއްވާފައި ގެންދިޔުން
ރަޖިސްޓަރީ ކުރަންޖެހޭ އެއްގަމު އުޅަނދެއް ރަޖިސްޓަރީނުކޮށް، އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރެވޭނީ، ހަމައެކަނި އެއްތަނުން އަނެއްތަނަށް ގެންދިއުމަށްޓަކައި، މިނިސްޓްރީން އެކަމަށް ހަދާ ގަވާއިދުގެ ދަށުން މިނިސްޓްރީން، ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގެ ހުއްދަ ހޯދުމަށް ފަހުގައެވެ. މިގޮތަށް ބޭނުންކުރާ، އުޅަނދުގައި އެކަމަށް މިނިސްޓްރީން ކަނޑައަޅާ ނިށާނެއް ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި މިގޮތުން ގެންދެވޭ، އުޅަނދެއް ގެންދިޔުމަށްފަހު އެ ނިށާން ނެތި، ނުވަތަ ރަޖިސްޓަރީ ނަންބަރު ނެތި އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރުމަކީ މަނާކަމެކެވެ.
18 ވަނަ މާއްދާ - އިސްތިސްނާކުރާ އެއްގަމު އުޅަނދު
(ހ) މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ އަސްކަރީ އުޅަނދު މި ގާނޫނުން އިސްތިސްނާ ވާނެއެވެ. އަދި އަސްކަރީ ބޭނުމާއި އެހެން ބޭނުން ވެސް ކުރެވޭގޮތަށް ހަދާފައި ހުންނަ އުޅަނދު، އަސްކަރީ ބޭނުމަށް އާންމު ދަތުރުފަތުރުގެ ނިޒާމުގެތެރޭގައި ދުއްވާ ދުއްވުން ވެސް މި ގާނޫނުން އިސްތިސްނާ ކުރެވިދާނެއެވެ.
(ށ) ވަކި ކަންކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކުގައި، އެކަންކަމާ ގުޅޭގޮތުން ބޭނުންކުރުމަށާއި، ދުއްވުމަށް ހާއްސަކުރެވިފައި ހުންނަ އުޅަނދު މި ގާނޫނުން އިސްތިސްނާ ކުރުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ. އާންމުކޮށް މީހުންނާއި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދު އެފަދަ ސަރަހައްދެއްގައި ބޭނުންކުރާކަމުގައި ވިޔަސް، މި ގާނޫނުން އިސްތިސްނާއެއް ނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރި، ވަކިކަމަކަށް ހާއްސަ އުޅަނދެއްވިޔަސް، އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި އެ އުޅަނދެއް ބޭނުންކުރަންވާނީ، މި ގާނޫނާ އެއްގޮތްވާ ގޮތަށެވެ.
(ރ) އެއްގަމު އުޅަނދުގެ ތެރެއިން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރާ، އެކަމަށް ތައްޔާރުކޮށްފައި ހުންނަ އުޅަނދު، އެފަދަ ބޭނުމެއްގައި ދުއްވާ ދުއްވުން މި ގާނޫނުން އިސްތިސްނާކުރުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ. މިގޮތުން އިސްތިސްނާ ކުރެވޭ އުޅަނދެއް، އެބޭނުމުގައި ދުއްވަން ވާނީ، އެކަމަށް މިނިސްޓްރީން ކަނޑައަޅާ ނިށާނެއް ހަރުކޮށްގެންނެވެ.
19 ވަނަ މާއްދާ - އިމަރޖެންސީ ބަރުގޮނު އަޅާފައި ދާ އެންބިއުލާންސް
އިމަރޖެންސީ ބަރުގޮނު އަޅާފައި ދާ އެންބިއުލާންސް އެއްކޮޅަށް ދުއްވާ މަގުގެ އިދިކޮޅަށާއި ޓްރެފިކް ބައްތިއަށް މަޑުނުކޮށް ދުއްވިދާނެއެވެ. އަދި ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށްވެސް ދުއްވިދާނެއެވެ. އިމަރޖެންސީ ބަރުގޮނު އަޅާފައި ދާ އެންބިއުލާންސް ފަސޭހަކަމާއިއެކު ދެވޭނެ ގޮތަށް މަގުގައި ދުއްވާ އެހެން ވެހިކަލްތަކުން ޖާގަދޭންވާނެއެވެ. އިމަރޖެންސީ ބަރުގޮނު އަޅާފައި ދާ އެންބިއުލާންސަށް ހުރަސް އެޅުމަކީ މަނާކަމެކެވެ.
20 ވަނަ މާއްދާ - ނަންބަރާއި ނިށާންޖެހުން
(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ އުޅަނދެއްގައި، މިނިސްޓްރީން ކަނޑައަޅާ ނަންބަރެއް، ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް ހަރުކޮށްފައި ހުންނަން ވާނެއެވެ.
(ށ) ދައުލަތުގެ އިސްވެރިން ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރުގެ ރަސްމީ އުޅަނދުފަހަރުގައި ރަޖިސްޓަރީ ނަންބަރުގެ ބަދަލުގައި ބޭނުންކުރާނީ ދައުލަތުގެ ނިށާނެވެ. ރާއްޖެއަށް ޒިޔާރާތްކުރާ ބޭރުގެ އިއްޒަތްތެރިންގެ ތެރެއިން ގައުމުތަކުގެ އިސް ވެރިންނާއި، އެފެންވަރުގެ އިއްޒަތްތެރިންނަށް ހާއްސަކުރެވޭ އުޅަނދުގައިވެސް ރަޖިސްޓަރީ ނަންބަރުގެ ބަދަލުގައި ބޭނުންކުރާނީ ދިވެހި ދައުލަތުގެ ނިށާނެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީން ކަނޑައަޅާ ނަންބަރުގެ ބަދަލުގައި ވަކި ނަންބަރެއްޖަހަން ބޭނުންވާ ފަރާތްތަކަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އެނަންބަރެއް ޖެހިދާނެއެވެ. އެނަންބަރު ބޭނުންކުރާއިރު، އެކަން އެނގޭނެ ލިޔުމެއް އުޅަނދުގައި ނުވަތަ އެ އުޅަނދެއް ދުއްވާމީހާގެ އަތުގައި އޮންނަންވާނެއެވެ. މިގޮތުން ބޭނުންކުރާ ނަންބަރުގެ އަގު ކަނޑައަޅާނީ މިނިސްޓްރީންނެވެ.
21 ވަނަ މާއްދާ - ބޭނުންކުރެވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުން
(ހ) މި ގާނޫނުގެ ދަށުން ރާއްޖޭގެ ވަކި ސަރަހައްދެއްގައި، ނުވަތަ ރަށެއްގައި އެއްގަމު އުޅަނދު ގެންގުޅޭނޭ އެންމެ ގިނަ އަދަދު ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އަދަދު ކަނޑައަޅައި އެފަދައިން އަމަލުކުރުމުގެ 1 (އެކެއް) އަހަރުކުރިން މިކަން އާންމުކޮށް އަންގައި އިއުލާނުކުރަންވާނެއެވެ.
22 ވަނަ މާއްދާ - ވެރިފަރާތް ބަދަލުކުރުން
(ހ) އެއްގަމު އުޅަނދެއްގެ ވެރިފަރާތް ބަދަލުކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާތާ ލަސްވެގެން 20 (ވިހި) ދުވަހުގެ ތެރޭގައި އެއުޅަނދެއްގެ ވެރިފަރާތް ބަދަލުކޮށްދޭންވާނެއެވެ. މިގޮތުން ވެރިފަރާތް ބަދަލުކުރާ ދުވަހާ ހަމައަށް، އެ އުޅަނދަކާ ގުޅިގެން ސަރުކާރަށާއި އެހެން ފަރާތަކަށް އަދާކުރަންޖެހޭ ފައިސާއެއް ވާނަމަ، އެ ފައިސާއެއް އަދާކޮށް، ނުވަތަ އަދާކުރާނެ ގޮތްތަކެއް އެއުޅަނދެއްގެ ވެރިފަރާތުން ހަމަޖައްސަންވާނެއެވެ.
(ށ) ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއް އެހެންފަރާތަކަށް ދީ ނުވަތަ ވިއްކަން ބޭނުންވެއްޖެނަމަ، އެކަން ކުރާނީ، މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް އެކަން ހުށަހަޅައި، އެކަމަށް ހަމަޖެހިފައިވާ ގަވާއިދެއްގެ ދަށުންނެވެ.
(ނ) ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއްގެ ވެރިފަރާތް ނިޔާވެއްޖެނަމަ، އެ އުޅަނދެއްގެ ވެރިފަރާތް ބަދަލުކޮށްދޭނީ، ށަރީއަތުން ނިންމާގޮތެއްގެ މައްޗަށް، ނުވަތަ އެފަރާތުގެ ވާރިސުން އެއްބަސްވެ ހުށަހަޅާ ގޮތެއްގެމަތިންނެވެ. އެ އުޅަނދެއްގެ ވެރިފަރާތްކަމުގައި ވަކިފަރާތެއް ށަރީއަތުން ކަނޑަނާޅާހާ ހިނދަކު، އެ އުޅަނދެއްގެ ވެރިފަރާތްކަމުގައި ބެލެވޭނީ އެފަރާތުގެ ވާރިސުންނެވެ.
(ރ) އުޅަނދަކާ ގުޅޭގޮތުން އުފުލަންޖެހޭ އެންމެހައި ޒިންމާ އުފުލާނީ، އެއިރަކު އެ އުޅަނދެއްގެ ވެރިފަރާތް ކަމުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތުން، ނުވަތަ މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން އެ އުޅަނދަކާ ގުޅޭގޮތުން އުފުލަންޖެހޭ އެންމެހައި ޒިންމާތައް އުފުލުމަށް އެއްބަސްވެފައިވާ މީހާއެވެ.
23 ވަނަ މާއްދާ - ރަޖިސްޓަރީ އާކުރުން
ރަޖިސްޓަރީ ގެއްލިގެން ނުވަތަ ހަލާކުވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ، އާ ރަޖިސްޓަރީއެއް ހަދައިދޭނީ، އެ އުޅަނދެއްގެ ވެރިފަރާތުން، މިނިސްޓްރީއަށް ހުށަހެޅުމުން އެއުޅަނދަކާ ގުޅިގެން ސަރުކާރަށް ނުވަތަ އެހެން ފަރާތަކަށް އަދާކުރަންޖެހޭ ފައިސާއެއްވާނަމަ، އެ ފައިސާއެއް އަދާކުރާނެ ގޮތްތަކެއް ހަމަޖެއްސުމަށްފަހު އެކަމަށް ހަދާފައިވާ ގަވާއިދެއްގެ ދަށުންނެވެ.
24 ވަނަ މާއްދާ - ރަޖިސްޓަރީ ބާތިލުކުރުން
(ހ) އަހަރީ ފީ އަދާކުރަންޖެހޭ އެއްގަމު އުޅަނދަކުން އަހަރީ ފީ އަދާނުކުރާތާ 6 (ހައެއް) މަސްދުވަސް ފާއިތުވެއްޖެނަމަ، އެ އުޅަނދެއްގެ ރަޖިސްޓަރީ ބާތިލުވާނެއެވެ.
(ށ) އުޅަނދެއްގެ ވެރިފަރާތުން އެ އުޅަނދުގެ ރަޖިސްޓަރީ ބާތިލުކުރުމަށް އެދިއްޖެ ހިނދެއްގައި، ރަޖިސްޓަރީ ބާތިލުކޮށްދޭންވާނެއެވެ. ރަޖިސްޓަރީ ބާތިލުކޮށްދޭނީ، އެދުވަހާ ހަމަޔަށް އެއުޅަނދަކާ ގުޅިގެން ސަރުކާރަށް ނުވަތަ އެހެން ފަރާތަކަށް އަދާކުރަންޖެހޭ ފައިސާއެއްވާނަމަ އެ ފައިސާއެއް އަދާކުރާނެ ގޮތްތަކެއް ހަމަޖެއްސުމަށްފަހުގައެވެ.
(ނ) ރަޖިސްޓަރީ ބާތިލުވެފައިވާ، ނުވަތަ ރަޖިސްޓަރީ ބާތިލުކޮށްފައިވާ އުޅަނދެއް އަލުން ރަޖިސްޓަރީ ކުރާނަމަ އެއުޅަނދެއްގެ އަހަރީ ފީ ދައްކާނީ އެ އުޅަނދު އަލުން ރަޖިސްޓަރީކުރި މަހުންފެށިގެން އަހަރު ހަމަވާ ގޮތަށެވެ.
(ރ) އަހަރީ ފީ އަދާކޮށްފައިވަނިކޮށް، ރަޖިސްޓަރީ ބާތިލުކޮށްފިނަމަ، އެ އަހަރަށް އަދާކޮށްފައިވާ އަހަރީ ފީގެ ތެރެއިން، ހިނގާ މަސް ފިޔަވައި، އަހަރުގެ ބާކީ އޮތްބަޔަށްވާ ޖުމްލަ ފައިސާ، އެ އުޅަނދުގެ ވެރިފަރާތަށް އަނބުރާ ދޭންވާނެއެވެ.
(ބ) ރަޖިސްޓަރީ ބާތިލުކޮށްފައިވާ އުޅަނދަކަށް އާ ރަޖިސްޓަރީއެއް ހަދައިދޭނީ، އެއުޅަނދަކީ މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީ ބާތިލުކުރެވިފައިވާ އުޅަނދެއްނަމަ، ބާތިލުވި ދުވަހާ ހަމަޔަށް އަދާކުރަންޖެހޭ އަހަރީ ފީ އަދާކުރުމަށްފަހު، މި ގާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
(ޅ) ރަޖިސްޓަރީ ބާތިލުވެފައިވާ، ނުވަތަ ރަޖިސްޓަރީ ބާތިލުކޮށްފައިވާ، އުޅަނދެއް، ރަޖިސްޓަރީ އާ ނުކޮށް އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރުމަކީ މަނާކަމެކެވެ.
25 ވަނަ މާއްދާ - އަހަރީ ފީ
(ހ) ރަޖިސްޓަރީ ކޮށްގެން ދުއްވާ، މި ގާނޫނުގެ ދަށުން އިސްތިސްނާ ނުވާ އެއްގަމު އުޅަނދު، މި ގާނޫނުގެ ޖަދުވަލުގައިވާ ގޮތުގެމަތިން މަދުވެގެން ކޮންމެ 12 (ބާރަ) މަސްދުވަހަކަށް އެއްފަހަރާ އަހަރީ ފީ ދައްކަންވާނެއެވެ.
(ށ) އެއްގަމު އުޅަނދުތަކުގެ ތެރެއިން، އަހަރީ ފީދެއްކުމަށް މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އުޅަނދުތަކުގެ އަހަރީ ފީ، ކޮންމެ މީލާދީ އަހަރަކު އެ އުޅަނދެއް ރަޖިސްޓަރީކުރި މަސް ހުސްވުމުގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް، ނުވަތަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅާ ފަރާތަކަށް އަދާކުރަންވާނެއެވެ. އަދި އެ އުޅަނދެއް ރަޖިސްޓަރީ ކުރާއިރު، ރަޖިސްޓަރީކުރާ މަހުންފެށިގެން 12 (ބާރަ) މަސްދުވަސް ކުރިޔަށް، އެއްފަހަރާ ފީ ދައްކަންވާނެއެވެ. ފީ ދައްކާއިރު، މަސްދުވަހުގެ ބައެއް ބަލާނީ، ފުރިހަމަ މަހެއްގެ ގޮތުގައެވެ.
(ނ) އެއްގަމު އުޅަނދުން އަހަރީ ފީ ނެގުމަށްޓަކައި، ކަނޑައަޅަންޖެހޭ މިންގަނޑުތައް ކަނޑައަޅައި ބަލަހައްޓާނީ، މިނިސްޓްރީންނެވެ. ދެ މިންގަނޑެއް އެކުލެވޭ އުޅަނދެއްނަމަ، ފީ ކަނޑައަޅާނީ، ދެ މިންގަނޑުންކުރެ ބޮޑު މިންގަނޑަށެވެ.
(ރ) 1 (އެކެއް) އަހަރަށްވުރެ ގިނައަހަރަށް ފީދައްކަން ބޭނުންވާ ފަރާތްތަކަށް އެކަން ހަމަޖައްސައިދޭންވާނެއެވެ.
(ބ) އަހަރީ ފީ ދައްކަންޖެހޭ އެއްވެސް އުޅަނދެއް، ފީ ދައްކަންޖެހޭ މުއްދަތު ފާއިތުވުމަށްފަހު، ފީ ނުދައްކައި އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރުމަކީ މަނާކަމެކެވެ.
26 ވަނަ މާއްދާ - އެއްގަމު އުޅަނދު ރަޖިސްޓަރީނުކޮށް ދުއްވުމާއި ގަވާއިދާ ހިލާފަށް ދުއްވުން
(ހ) އެއްގަމު އުޅަނދުގައި ހަރުކުރުމަށް ދޫކުރާ ނަންބަރު ހަރުނުކޮށް، ނުވަތަ ހަލާކުވެފައިހުރިކަން އެނގިހުރެ، ނުވަތަ މިނިސްޓްރީއިން އެކަމަށް ހަދާ ގަވާއިދާ ހިލާފުވާ މީހާއާއި، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި އުޅަނދެއްގައި، ނުވަތަ ހިދުމަތްދޭ ތަނެއްގައި ހަރުކުރުމަށް ދޫކުރާ ނިށާން ނެތި ހިދުމަތްދޭ މީހާ ނުވަތަ އުޅަނދު ދުއްވި މީހާގެ އަދަބަކީ:
- އުޅަނދު ދުއްވި މީހާގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން، ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
- ހިދުމަތްދިން ތަނުގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ 1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 2,000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
(ށ) އެއްވެސް ސަބަބަކާހުރެ، އުޅަނދެއް ރަޖިސްޓަރީނުކޮށް، ނުވަތަ ރަޖިސްޓަރީ ބާތިލުކޮށްފައިވާ އުޅަނދެއް އަލުން ރަޖިސްޓަރީނުކޮށް، ނުވަތަ އެކަމަށް ބޭނުންވާ ހުއްދަ ނުހޯދައި، އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ދުއްވައިފިނަމަ، ނުވަތަ ބާއްވައިފިނަމަ، އެ އުޅަނދެއް ދުއްވި މީހާއާއި އުޅަނދުގެ ވެރިފަރާތް 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
27 ވަނަ މާއްދާ - ޑްރައިވިންގ ސްކޫލް
(ހ) މި ގާނޫނުގެ ދަށުން، ޑްރައިވިންގ ސްކޫލް ހިންގުމަށް އެދޭ ފަރާތްތަކަށް މިނިސްޓްރީން ލައިސަންސް ދޫކުރަންވާނެއެވެ.
(ށ) "ޑްރައިވިންގ ސްކޫލް" ހިންގުމުގެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅާނީ މިނިސްޓްރީންނެވެ. މިގޮތުން ކަނޑައެޅޭ އުސޫލުތައް އާންމުކޮށް ލިޔެ، ށާއިއުކުރަންވާނެއެވެ.
(ނ) ޑްރައިވިންގ ސްކޫލުގެ ލައިސަންސްއަށް އެދޭނީ އެކަމަށް ކަނޑައެޅިފައިވާ ފޯމެއް ފުރުމަށްފަހު ޑްރައިވިންގ ސްކޫލުގެ މަސްއޫލު ފަރާތުން ސޮއިކޮށް މިނިސްޓްރީއަށް ހުށަހެޅުމުންނެވެ. އަދި ފޯމްގައިވާ މައުލޫމާތު ފުރިހަމަވެފައި ވާނަމަ ލަސްވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ލައިސަންސް ދޫކުރަންވާނެއެވެ.
(ރ) ޑްރައިވިންގ ސްކޫލުތައް މިނިސްޓްރީގައި ރަޖިސްޓަރީ ކުރާންވާނެއެވެ. މިއިން ކޮންމެ ޑްރައިވިންގ ސްކޫލަކުން މިނިސްޓްރީގައި 5,000 (ފަސްހާސް) ރުފިޔާގެ ޑިޕޮސިޓެއް ބަހައްޓަންވާނެއެވެ. އަދި ޑްރައިވިންގ ސްކޫލަކަށް ދޫކޮށްފައިވާ ލައިސަންސް އެފަދަ ސްކޫލަކުން ބާތިލުކުރަން އެދިއްޖެނަމަ އެލައިސަންސް ބާތިލުކުރުމަށްފަހު، ޑިޕޮސިޓްކުރެވުނު ފައިސާ ލަސްވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެފަރާތަކަށް ހަވާލުކުރަންވާނެއެވެ.
(ބ) މިނިސްޓްރީން، ޑްރައިވިންގ ސްކޫލުތަކުގެ ލިސްޓް ލިޔެ އާންމުކޮށް ށާއިއުކުރަންވާނެއެވެ.
28 ވަނަ މާއްދާ - ޑްރައިވިންގ ސްކޫލުގެ އިންސްޓްރަކްޓަރުން
(ހ) ކޮންމެ ޑްރައިވިންގ ސްކޫލެއްގައި މިނިސްޓްރީން ކަނޑައަޅާ ހަމަތަކާއި މިންގަނޑުތަކުގެ މަތީން ހުއްދަދެވިފައިވާ ޑްރައިވިންގ އިންސްޓްރަކްޓަރެއް ހުންނަންވާނެއެވެ.
(ށ) ޑްރައިވިންގ ސްކޫލުގެ އިންސްޓްރަކްޓަރުންގެ ފެންވަރު އެކަށައަޅާ، އަދި ޑްރައިވަރުން އެކިއެކި ގިންތީގެ ވެހިކަލްތަކަށް އިމްތިހާނު ކުރެވޭނެ މިންގަނޑުތަކާއި، އިމްތިހާނުކުރެވޭނެ ގޮތްތައް މިނިސްޓްރީން ކަނޑައަޅާ ށާއިއުކުރަންވާނެއެވެ.
(ނ) "ޑްރައިވިންގ ސްކޫލް" އެއް މެދުވެރި ނުކޮށް ޑްރައިވިންގ އިންސްޓްރަކްޓަރަކު ހަރަކާތްތެރިވެގެން ނުވާނެއެވެ.
29 ވަނަ މާއްދާ - ދުއްވަން ދަސްކުރުން
(ހ) އެއްގަމު އުޅަނދު ދުއްވަން ދަސްކުރުމަށްޓަކައި ދުއްވަންވާނީ، މިނިސްޓްރީން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް ހަދާފައިވާ ނިށާނެއް، އެ އުޅަނދުގެ ކުރީގަޔާއި ފަހަތުގައި ހަރުކޮށްގެންނެވެ. ދުއްވަން ދަސްކުރާ މީހާއާއެކު، އެ އުޅަނދެއް ދުއްވުމުގެ ލައިސަންސް ލިބިފައިވާ، މިނިސްޓްރީން އިންސްޓްރަކްޓަރުކަމުގެ ހުއްދަ ލިބިފައިވާ މީހަކު އިންނަން ވާނެއެވެ. ދަސްކުރަން ދުއްވާ އުޅަނދެއްގައި، ދެމީހުންނަށްވުރެ އިތުރު މީހަކު އިނދެގެން ނުވާނެއެވެ.
(ށ) ދަސްކުރުމަށް އެއްގަމު އުޅަނދު ދުއްވަންވާނީ، މިނިސްޓްރީން އެކަމަކަށް ކަނޑައަޅާ ސަރަހައްދެއްގައި ކަނޑައަޅާ ވަގުތުތަކެއްގައެވެ. އެއްގަމު އުޅަނދު ދުއްވަން ދަސްކުރާނެ ސަރަހައްދާއި، ވަގުތާއި ދުވެލި ކަނޑައަޅައި، ގަވާއިދުތައް ހަދާނީ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ.
30 ވަނަ މާއްދާ - ލައިސަންސް ދޫކުރުން
(ހ) އެއްގަމު އުޅަނދުގެ ތެރެއިން އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވާނީ، ނުވަތަ އޮޕަރޭޓް ކުރަންވާނީ، މިނިސްޓްރީން ކަނޑައަޅާ ގަވާއިދެއްގެ ދަށުން، ބާއްވާ އިމްތިހާނަކުން ފާސްވެ، އެފަދަ އުޅަނދެއް ދުއްވުމަށް ނުވަތަ އޮޕަރޭޓްކުރުމަށް ލައިސަންސް ލިބިގެންނެވެ.
(ށ) އެއްގަމު އުޅަނދު ދުއްވުމަށް ނުވަތަ އޮޕަރޭޓް ކުރުމަށް ލައިސަންސް ދޫކުރާނީ، މީލާދީ ގޮތުން 18 އަހަރު ފުރިހަމަވެފައިވާ މީހުންނަށެވެ.
(ނ) މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުގެ ލައިސަންސް އޮތް މީހުންނަށް 90 (ނުވަދިހަ) ދުވަހަށް އެލައިސަންސްގެ މައްޗަށް ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވިދާނެއެވެ.
(ރ) އެއްގަމު އުޅަނދު ދުއްވުމަށް ދޫކުރާ ލައިސަންސްގެ ބާވަތްތަކާއި، މުއްދަތާއި އަދި ދުއްވޭނެ ސަރަހައްދާއި އަދި ލައިސަންސް ފީ ކަނޑައަޅާނީ މިނިސްޓްރީންނެވެ.
31 ވަނަ މާއްދާ - އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރުން
(ހ) ރާއްޖޭގައި އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެގޮތުން ބަސް، ވޭން ފަދަ އުޅަނދުތައް ދުއްވޭނީ މިނިސްޓްރީން އެކަމަށް ލައިސަންސް ދޫކުރާ ފަރާތްތަކަށެވެ.
(ށ) އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް އެދޭ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމަށް މިނިސްޓްރީން އިއުލާނުކުރުމުން، މިކަމަށް އެދޭ ފަރާތްތަކުން ޕްރޮޕޯސަލެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ނ) އާންމު ދަތުރުފަތުރުގެ ތެރޭގައި ދުއްވޭނެ އުޅަނދުތަކާއި، އެއުޅަނދުތަކުގައި ހުންނަންޖެހޭ ށަރުތުތަކާއި، އެހިދުމަތުގެ ލައިސަންސް ދޫކުރުމުގައި މިނިސްޓްރީން ބަލާނެ މިންގަނޑުތަކާއި އެހިދުމަތް ދިނުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ޕްރޮޕޯސަލްގައި ހުންނަންވީ ކަންކަން ކަނޑައަޅާނީ އެކަމަށް މިނިސްޓްރީން ހަދާ ގަވާއިދެއްގެ ދަށުންނެވެ.
32 ވަނަ މާއްދާ - އާންމު ދަތުރުފަތުރުގެގޮތުގައި ބަހުގެ ހިދުމަތް ދެވޭނެ ސަރަހައްދު ކަނޑައެޅުން
(ހ) ދިވެހިރާއްޖޭގައި، އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދެވޭނީ، މިނިސްޓްރީން، ލިޔުމަކުން ހުއްދަ ދީފައިވާ ސަރަހައްދުތަކަށެވެ. މިފަދަ ސަރަހައްދުތަކުގައި ބަހުގެ ހިދުމަތް ދިނުމަށް، ހިދުމަތްދޭ ފަރާތަށް އެކަމުގެ ލައިސަންސް ދޭނީ، އެސަރަހައްދެއްގައި ބަހުގެ ހިދުމަތް ދިނުމާބެހޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ މަސްއޫލިއްޔަތު މިނިސްޓްރީން ހަވާލުކޮށްފައިވާ، ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތުންނެވެ.
(ށ) ދިވެހިރާއްޖޭގެ ސަރަހައްދެއް، އާންމުދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތްދޭ ސަރަހައްދެއްގެ ގޮތުގައި ހަމަޖައްސަން ބޭނުންވެއްޖެނަމަ، އެކަމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅާނީ އެސަރަހައްދެއްގެ އިދާރީ ހިންގުމާބެހޭ މަސްއޫލު އޮފީހުންނެވެ.
33 ވަނަ މާއްދާ - ބަސް ދަތުރުކުރާނޭ މަގުތައް ކަނޑައެޅުން
(ހ) އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތްދޭ ސަރަހައްދުގައި، ބަސް ދަތުރު ކުރާނޭ މަގުތައް ކަނޑައަޅާނީ އެސަރަހައްދެއްގެ ހިދުމަތް ދިނުމަށް ލައިސަންސްދޭ ފަރާތާއި ހިދުމަތްދޭ ފަރާތާއި މަށްވަރާކުރުމަށްފަހު، ހިދުމަތް ދިނުމަށް ހުއްދަދޭ ފަރާތުންނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން ކަނޑައަޅާ މަގުތަކާއި އެމަގުތަކަށް ގެނެވޭ ބަދަލުތައް، ހިދުމަތް ދިނުމަށް ލައިސަންސްދޭ ފަރާތުން ހިދުމަތްދޭ ފަރާތަށާއި ހިދުމަތް ލިބިގަންނަ ފަރާތަށް، އެގޮތަށް އަމަލުކުރާން ފެށުމުގެ 1 (އެކެއް) މަސް ދުވަހުގެ ކުރީން އަންގަންވާނެއެވެ. ހިދުމަތް ދިނުމަށް ލައިސަންސްދޭ ފަރާތުން މިކަން ހިދުމަތްދޭ ފަރާތަށް އަންގާނީ ލިޔުމަކުންނެވެ. ހިދުމަތް ލިބިގަންނަ ފަރާތަށް އަންގާނީ އާންމުކޮށް އިއުލާނުކޮށްގެންނެވެ.
(ނ) ބަހުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް، ބަސް ދަތުރުކުރާގޮތުގެ ތާވަލާއި، ބަސް ދަތުރަށް ނަގާ އަގުގެ މިންވަރާއި، އެ ބޭނުންކުރާ ބަސްތަކަށް އެރޭ ފަސިންޖަރުންގެ އަދަދާއި ބަސް ދަތުރުކުރާމަގުތައް އަދި ބަސްހުއްޓިތައް ހުންނަ ތަންތަން ފަސޭހައިން ކިޔަން އެގޭނޭ ގޮތަށް އެއުޅަނދެއްގައި ލިޔެވި ހަރުކުރެވިފައި ހުންނަންވާނެއެވެ.
34 ވަނަ މާއްދާ - ބަސްހުއްޓާނޭ ބަސްހުއްޓިތައް ކަނޑައެޅުން
އާންމު ދަތުރުފަތުރުގެ ހިދުމަތުގެ ބަސްހުއްޓިތައް މަގުމަތީގައި ހަދާނީ އެސަރަހައްދެއްގެ އިދާރީ ހިންގުމާބެހޭ މަސްއޫލު އޮފީހުންނެވެ. މިފަދަ ތަންތަން ވާރެއާއި އަވިން ފަސިންޖަރުން ނިވާވާނެ ގޮތަށް އެކަށީގެންވާ މިންގަނޑެއްގައި ހަދާ އަދި ރޭގަނޑު އަލިކޮށްފައި ހުންނަންވާނެއެވެ.
35 ވަނަ މާއްދާ - ބަހުގެ ސަލާމަތީ މިންގަނޑު
ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުތަކަކީ މިނިސްޓްރީން ކަނޑައަޅާ ސަލާމަތީ މިންގަނޑުތަކަށް ފެތޭ އުޅަނދުތަކަކަށް ވާންވާނެއެވެ.
36 ވަނަ މާއްދާ - ބަހުގެ ހިދުމަތް ހުއްޓާލުން
ބަހުގެ ހިދުމަތް ދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން މިކަން ހުއްޓާލަން ބޭނުންވެއްޖެނަމަ، ހިދުމަތް ހުއްޓާލުމުގެ 90 (ނުވަދިހަ) ދުވަހުގެ ކުރިން މިނިސްޓްރީއަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ.
37 ވަނަ މާއްދާ - ބަހަށް ސްކޫލު ކުދިން އެރުވުން
އާންމު ދަތުރުފަތުރުގެ ހިދުމަތްދޭ ބަސްތަކަށް ސްކޫލު ކުދިންނަށް އެރިދާނެއެވެ. މިފަދަ ބަސްތަކަށް ސްކޫލު ކުދިން އަރުވަންވާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ގަވާއިދެއްގެ މަތީންނެވެ.
38 ވަނަ މާއްދާ - ބަހުގެ ހިދުމަތް ލިބިގަންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން
ބަހުގެ ހިދުމަތް ލިބިގަންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބަހަށް އަރާފޭބުމަށާއި ބަހުގައި އިށީނދެ ތިބުމަށް އެހީތެރި ވެދޭންވާނެއެވެ.
39 ވަނަ މާއްދާ - ބަހުގެ ހިދުމަތަށް ނަގާ އަގު
ބަހުގެ ހިދުމަތް ދިނުމުގައި ހިދުމަތަށް ނަގާ އަގު ކަނޑައަޅާނީ ހިދުމަތް ދިނުމަށް ލައިސަންސްދޭ ފަރާތާއި ހިދުމަތްދޭ ފަރާތާދެމެދު މަށްވަރާ ކުރުމަށްފަހު ހިދުމަތް ދިނުމަށް ލައިސަންސް ދޭފަރާތުންނެވެ.
40 ވަނަ މާއްދާ – ބަސް ދުއްވާ ޑްރައިވަރާއި އެހީތެރިން އަމަލުކުރަންވީގޮތް
އާންމު ދަތުރުފަތުރުގެ ގޮތުގައި ބަސް ދުއްވާ ޑްރައިވަރާއި އެހީތެރިން އަމަލުކުރަންވީ ގޮތާއި، ށަރުތުތައް ކަނޑައަޅާނީ މިނިސްޓްރީން ހަދާ ގަވާއިދެއްގެ ދަށުންނެވެ.
41 ވަނަ މާއްދާ - އާންމު ދަތުރުފަތުރުގެ ހިދުމަތްދޭ އުޅަނދުފަހަރުގެ ވެރިފަރާތުގެ މަސްއޫލިއްޔަތު
(ހ) މި ގާނޫނުގެ ދަށުން ލައިސަންސް ދޭ އުޅަނދުފަހަރުގެ ވެރިފަރާތާއި، ޑްރައިވަރު އަދި އެހީތެރިން ހުރިހާ ހާލަތެއްގައިވެސް ފަސިންޖަރުންގެ ސަލާމަތަށާއި ރައްކާތެރިކަމަށް އިސްކަންދޭންވާނެއެވެ.
(ށ) އާންމު ދަތުރުފަތުރުގެ ހިދުމަތް ދޭ އުޅަނދުފަހަރުގައި ތިބޭ މުވައްޒަފުންނަކީ މިނިސްޓްރީން ކަނޑައަޅާފައިވާ ށަރުތުތައް ފުރިހަމަވާ މީހުންނަށް ވާންވާނެއެވެ.
42 ވަނަ މާއްދާ - އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުގެ ވެރިފަރާތް އެނގެން އޮތުން
އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ކޮންމެ އުޅަނދެއްގައި އެއުޅަނދެއްގެ ވެރިފަރާތުގެ ނަމާއި އެޑްރެސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެމަތިން ކިޔަން އެނގޭނޭހެން ފަސިންޖަރުންނަށް ފެންނަ ގޮތަށް ލިޔެފައި ހުންނަންވާނެއެވެ.
43 ވަނަ މާއްދާ - އާންމު ދަތުރުފަތުރުގެ ހިދުމަތުގައި ބޭނުންކުރާ އުޅަނދުފަހަރު
(ހ) މި ގާނޫނުގެ ދަށުން އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ރާއްޖޭގައި ހުއްދަ ކުރެވިފައިވާ ފަރާތްތައް އާންމުކޮށް އެނގޭނެގޮތަށް މިނިސްޓްރީން އިއުލާނުކުރަންވާނެއެވެ.
(ށ) އާންމު ދަތުރުފަތުރުގެ ހިދުމަތުގައި ބޭނުންކުރާ އުޅަނދުފަހަރު ދިވެހިރާއްޖޭގައި ބޭނުންކުރަންވާނީ މި ގާނޫނުގައި ބުނާ ގޮތުގެމަތީން މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ދޫކުރާ ލައިސަންސެއްގެ ދަށުންނެވެ.
(ނ) މިފަދަ ހުރިހާ އުޅަނދެއް ދުއްވުމުގެ ލައިސަންސްގެ ށަރުތުތަކާއި ހަމަތައް އެކަށައަޅާ އެކަން އާންމުކޮށް މިނިސްޓްރީން އިއުލާނުކުރަންވާނެއެވެ.
(ރ) އާންމުން އުފުލުމަށް ކަމާބެހޭ ފަރާތުން ދޫކުރާ ލައިސަންސް އަކީ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމުގެ އިތުރުން ދޫކުރާ ލައިސަންސް އަކަށް ވާންވާނެއެވެ.
(ބ) އާންމު ދަތުރުފަތުރުގެ ހިދުމަތުގެ ބޭނުމަށް ދޫކޮށްފައިވާ ލައިސަންސެއް ބަދަލުކުރެވޭނީ ރަޖިސްޓްރާރަށް ލިޔުމަކުން ހުށަހަޅައި އަދި އެކަމަށް ހަމަޖެހިފައިވާ ފީއެއް ދެއްކުމަށްފަހުގައެވެ.
(ޅ) އާންމު ދަތުރުފަތުރުގެ ހިދުމަތަށް ގިންތީ ކަނޑައެޅުމާއި، ލައިސަންސް ދޫކުރުމާއި ލައިސަންސް ދޫކުރާނޭ އުޅަނދުގެ އަދަދު ކަނޑައެޅުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.
44 ވަނަ މާއްދާ - މި ގާނޫނާ ހިލާފަށް ބަހުގެ ހިދުމަތް ދޭ ފަރަތްތަކާމެދު އަޅާނެ ފިޔަވަޅު
މި ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި ހިލާފަށް ބަހުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ކުށެކެވެ. މިފަދަ ކުށެއްކުރި ފަރާތެއްގެ އަދަބަކީ 2,000 (ދެހާސް) ރުފިޔާ އަށްވުރެއް ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.
45 ވަނަ މާއްދާ - ޓެކްސީގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުން
(ހ) ޓެކްސީގެ ހިދުމަތް ދޭންވާނީ ރާއްޖޭގައި ހިންގާ ޓެކްސީ ސެންޓަރުތަކަށް، މިނިސްޓްރީން ކަނޑައަޅާ ގަވާއިދެއްގެ ދަށުން، އެފަދަ ހިދުމަތެއް ދިނުމަށް ލައިސަންސް ލިބިގެންނެވެ.
(ށ) ޓެކްސީގެ ހިދުމަތް ދިނުމުގެ ލައިސަންސް ޓެކްސީ ސެންޓަރުތަކަށް ދޫކުރެވޭނީ، މަދުވެގެން 1 (އެކެއް) ޓެކްސީ އެސެންޓަރެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާނަމައެވެ.
(ނ) ޓެކްސީގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުގެ ފެންވަރާއި އޭގެ ސަލާމަތީ ފިޔަވަޅުތަކާއި، އެފަދަ ހިދުމަތް ދޭ ފަރާތްތަކުގައި ހުންނަންޖެހޭ ށަރުތުތައް ކަނޑައަޅާނީ މިނިސްޓްރީންނެވެ.
(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ލައިސަންސް ދެވޭނީ އެކަމަށް އެދި މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ހުށަހެޅުމުން، އެ ހިދުމަތް ދިނުމަށް އެދޭ ފަރާތާބެހޭގޮތުންް ބަލަންޖެހޭ އެންމެހައި ކަންތައްތައް ބެލުމަށްފަހުގައެވެ. މިގޮތުން ދޫކުރެވޭ ލައިސަންސްގައި 100 (ސަތޭކަ) ރުފިޔާގެ ރެވެނިއު ސްޓޭމްޕެއް ޖަހަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޓެކްސީގެ ހިދުމަތުގެ ލައިސަންސަށް އެދުމުން، މިނިސްޓްރީން ކަނޑައަޅާފައިވާ ށަރުތުތައް ފުރިހަމަވާނަމަ، ލަސްވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ޓެކްސީގެ ހިދުމަތް ދިނުމުގެ ލައިސަންސް މިނިސްޓްރީން ދޫކުރަންވާނެއެވެ. ނުވަތަ ށަރުތުތައް ފުރިހަމަނުވާނަމަ، ސަބަބު ބަޔާންކޮށް އެކަން ލިޔުމަކުން އެފަރާތަކަށް އެމުއްދަތުގެ ތެރޭގައި އަންގަންވާނެއެވެ.
(ޅ) ޓެކްސީގެ ގޮތުގައި ދުއްވޭ އުޅަނދުތަކުގައި، މި މާއްދާގެ (ބ) ގެ ދަށުން ދޫކުރެވޭ ލައިސަންސް އެޓެކްސީތަކަށް އަރާމީހުންނަށް ފަސޭހައިން ފެންނާނެހެން ބަހައްޓަންވާނެއެވެ.
(ކ) މި ގާނޫނާއި ހިލާފަށް ޓެކްސީގެ ހިދުމަތް ދިނުމަކީ ކުށެކެވެ. މިފަދަ ކުށެއްކުރާ ފަރާތެއް ފުރަތަމަ ފަހަރަށްނަމަ 500 (ފަސްސަތޭކަ) ރުފިޔާއިން އަދި ދެވަނަ ފަހަރަށްނަމަ 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އިތުރަށް އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ އެފަރާތެއްގެ ލައިސަންސް ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
46 ވަނަ މާއްދާ - ޓެކްސީގެ ހިދުމަތުގެ ލައިސަންސް އާ ކުރުން
ޓެކްސީގެ ހިދުމަތް ދިނުމަށް ދޫކުރެވޭ ލައިސަންސްގެ މުއްދަތަކީ 5 (ފަހެއް) އަހަރު ދުވަހެވެ. ލައިސަންސްގެ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަސް ކުރިން ލައިސަންސް އާ ކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
47 ވަނަ މާއްދާ - އާންމު ދަތުރުފަތުރުގެ ގޮތުގައި ހިދުމަތްދޭ އުޅަނދާއި ޓެކްސީގެ ހިދުމަތްދޭ އުޅަނދުގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން
އާންމު ދަތުރުފަތުރުގެ ގޮތުގައި ހިދުމަތްދޭ އުޅަނދާއި ޓެކްސީގެ ހިދުމަތްދޭ އުޅަނދު ދުއްވާއިރު އެއިން އެއްވެސް އުޅަނދެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ.
48 ވަނަ މާއްދާ - ޓްރެފިކް ފުލުހުން ލައިސަންސް އާއި އުޅަނދާބެހޭ ލިޔުންތައް ބެލުންޓް
ރެފިކް ފުލުހަކަށް އެމީހެއްގެ ރަސްމީ ޑިއުޓީގެ ވަގުތުގައި ހުރެ އެމީހަކަށް ފެންނަ އުޅަނދެއް ހުއްޓުވައި، ޑްރައިވިންގ ލައިސަންސް އާއި، އުޅަނދުގެ ރަޖިސްޓަރީއާއިބެހޭ ލިޔުންތައް ހަމަޔަށް ހުރިތޯ ބެލުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
49 ވަނަ މާއްދާ - ޕާކު ކުރުން
(ހ) އެއްގަމުގައި ދުއްވާ ކޮންމެ އުޅަނދެއް، ބަންޑާރަ މަގެއް ނުވަތަ ސަރަހައްދެއްގައި ޕާކު ކުރަންވާނީ އެކަމަށް ހުއްދަ ކުރެވިފައިވާ ގޮތެއްގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) އާ ހިލާފަށް ބަންޑާރަ މަގުތަކުގައި ޕާކު ކޮށްފައި އޮންނަ އުޅަނދުފަހަރު، އެތަނަކުން ނަގާ ވަކި ސަރަހައްދަކަށް ގެންދިއުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ފުލުހުން ނަގާ އުޅަނދުފަހަރު، ދޫކޮށްލެވޭނީ ގަވާއިދާ ހިލާފަށް ޕާކު ކުރުމުގެ ސަބަބުން ދައްކަންޖެހޭ ފީ ދައްކާނެ ގޮތް ހަމަޖެއްސުމުންނެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ނެގިފައިވާ އުޅަނދެއް، އެ އުޅަނދުގެ ވެރި ފަރާތުން ހަވާލުނުވެ 3 (ތިނެއް) މަސްދުވަސް ވުމުން އެ އުޅަނދަކާ ބެހޭ މައުލޫމާތު އާންމުކޮށް އިއުލާނުކުރުމަށްފަހު، މިނިސްޓްރީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އެ އުޅަނދަކާ ހަވާލުނުވެއްޖެނަމަ، އެއުޅަނދެއް ނީލަން ކިއުމުގެ ނުވަތަ ނައްތާލުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
50 ވަނަ މާއްދާ - ގިންތީ ކުރުން
(ހ) އެއްގަމު އުޅަނދުފަހަރުގެ ގިންތީތައް ތިރީގައިވާ ގޮތަށް ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް މި ގާނޫނުގެ ދަށުން ލިބިގެން ވެއެވެ.
- ބަރު އުޅަނދުފަހަރު
- ލުއި އުޅަނދުފަހަރު
(ށ) މި ގާނޫނުގެ ބޭނުމަށްޓަކައި، 3 (ތިނެއް) ޓަނަށް ވުރެ މަތީ ބުރަދަން އުފުލޭ އުޅަނދުފަހަރު ބަލާނީ ބަރު އުޅަނދުފަހަރު ކަމުގައެވެ.
51 ވަނަ މާއްދާ - ކުނި އުކާލުމަށް ބޭނުންކުރާ އުޅަނދުފަހަރު
(ހ) ރާއްޖޭގައި ކުނިއުކާލުމަށް، ބޭނުންކުރާ އުޅަނދުފަހަރުގެ ފެންވަރާއި ބާވަތް ކަނޑައެޅުމުގެ ބާރު މި ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މިފަދަ އުޅަނދުތައް ބޭނުން ކުރުމުގައި އާންމުންނަށާއި މަގުމަތީގައި ދުއްވާ އެހެނިހެން އުޅަނދު ފަހަރަށް އުނދަގޫ ވާގޮތަށް ނުވަތަ މަގުމައްޗަށް ކުނި އެޅޭ ގޮތަށް ބޭނުންކޮށްގެން ނުވާނެއެވެ.
52 ވަނަ މާއްދާ - ހިނގާ މީހުންނަށް އުނދަގޫ ވާގޮތަށް ދުއްވުމާއި ޕާކު ކުރުން
(ހ) ދުވާރު މަތީގައި ނުވަތަ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި، މީހުން ހިނގުމަށް ހަދާފައިވާ ތަނެއްގައި ނުވަތަ ސަރަހައްދެއްގައި، ކުޑަކުދިން އުފުލުމަށް ހާއްސަކޮށްފައި ހުންނަ ޕްރޭމާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހުންނަ ފުރޮޅުލީ ގޮނޑިފަދަ ތަކެތި ފިޔަވައި، އެއްވެސް ބާވަތެއްގެ އެއްގަމު އުޅަނދެއް ދުއްވުމަކީ، ނުވަތަ ޕާކު ކުރުމަކީ މަނާކަމެކެވެ. އަދި ހިނގާ މީހުންނަށް ދަތިވާ ގޮތަށް ދުވާރު މަތީގައި މުދަލާއި ތަކެތި ބެހެއްޓުމަކީ މަނާ ކަމެކެވެ.
(ށ) މަގު ހުރަސްކުރުމަށް ފާހަގަކުރެވިފައިވާ ކަފިހި ހުރަހަކުން މީހަކު ނުވަތަ ބަޔަކު މަގުހުރަސް ކުރާނަމަ، ނުވަތަ މަގު ހުރަސްކުރަން އުޅޭނަމަ، އެއްގަމު އުޅަނދު ދުއްވާ މީހުން މަގު ހުރަސްކުރާ މީހުންނަށް ތަންދޭން ވާނެއެވެ.
(ނ) ހިނގާ މީހުންނަށް އުނދަގޫވާގޮތަށް އެއްގަމު އުޅަނދު ދުއްވުމާއި، މީހުން ހިނގުމަށް މި މާއްދާގެ (ހ) އާއި (ށ) އިން ހާއްސަ ކޮށްފައިވާ ތަންތަނުން ޖާގަނުދީ ދުއްވާ މީހާގެ އަދަބަކީ، 200 (ދުއިސައްތަ) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
53 ވަނަ މާއްދާ - އެއްގަމު އުޅަނދު ދުއްވާއިރު މުވާސަލާތީ ވަސީލަތެއް ބޭނުންކުރުން
އެއްގަމު އުޅަނދު ދުއްވާއިރު ދުއްވަން އިންނަމީހާ މޯބައިލް ފޯނު ނުވަތަ އަތުން ހިފައިގެން ގެންގުޅެން ޖެހޭ އެއްވެސް މުވާސަލާތީ ވަސީލަތެއް ބޭނުންކުރުމަކީ މަނާކަމެކެވެ.
54 ވަނަ މާއްދާ - އެއްގަމު އުޅަނދު ދުއްވާއިރު ދުންފަތުގެ އިސްތިއުމާލު ނުކުރުން
އެއްގަމު އުޅަނދު ދުއްވާއިރު، އުޅަނދު ދުއްވާމީހާއާއި އުޅަނދުގައި އިންނަ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ.
55 ވަނަ މާއްދާ - އެކަކަށްވުރެ ގިނަމީހުން އަރައިގެން ބައިސްކަލް ދުއްވުން
އުމުރުން 10 އަހަރު ނުފުރޭ ކުއްޖަކު، ކުޑަކުދިން އެރުވުމަށް ބައިސްކަލުގައި ހަރުކޮށްފައި ހުންނަ ގޮނޑީގައި ބައިންދައިގެން ދުއްވުން ފިޔަވައި، ކުޑަކުދިން އުފުލުމާއި އެކަކަށްވުރެ ގިނަ މީހުން އަރައިގެން ބައިސްކަލް ދުއްވުމަކީ މަނާކަމެކެވެ.
56 ވަނަ މާއްދާ - އުޅަނދުގައި މީހުން އުފުލުން
(ހ) އެއްގަމު އުޅަނދުގެ ތެރެއިން ހަމައެކަނި ދެމީހުންނަށް އެރޭގޮތަށް ތައްޔާރުކޮށްފައި ހުންނަ ދެފުރޮޅުލީ އުޅަނދު ފިޔަވައި، އެހެން އުޅަނދުގައި ގިނަވެގެން އުފުލޭނެ މީހުންގެ އަދަދު ކަނޑައަޅާނީ، މިނިސްޓްރީންނެވެ. ދެމީހުންނަށް އެރޭގޮތަށް އުފައްދާފައި ހުންނަ އުޅަނދުގައި އެއަށްވުރެ އިތުރަށް މީހުން އުފުލުމާއި އެނޫން އުޅަނދުތަކުގައި މީހުން އުފުލުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން އުފުލުމަކީ މަނާކަމެކެވެ.
(ށ) މީހެއްގެ އެހީއަކާ ނުލައި އިށީނދެ ނުއިނދެވޭވަރުގެ ކުޑަކުދިން، ދެމީހުންނަށް އެރޭގޮތަށް ހަދާފައި ހުންނަ ދެފުރޮޅުލީ އުޅަނދެއްގައި ގެންދަންވާނީ، ސޭފްޓީ ކަމަރު ބަނދެގެން، ދުއްވާ މީހާގެ ދެއަތާއި ދެފައި މިނިވަންކަމާއެކު ގެންގުޅެވޭ ގޮތަށެވެ. މިފަދަ އުޅަނދުތަކުގައި މިނޫންގޮތަކަށް ކުޑަކުދިން ގޮވައިގެން ދުއްވުމަކީ މަނާކަމެކެވެ.
(ނ) މީހުން އުފުލުމަށް ހުއްދަކޮށްފައިވާ އުޅަނދެއްގައި ކުޑަކުދިން އުފުލަންވާނީ، އެފަދަ އުޅަނދުތަކުގައި ކުޑަކުދިން އުފުލުމަށް ހަދާ ގަވާއިދުގެ ދަށުންނެވެ.
(ރ) އެއްގަމު އުޅަނދެއްގައި މީހުން އުފުލުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން އުފުލައިފިނަމަ، އުޅަނދު ދުއްވި މީހާ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
57 ވަނަ މާއްދާ - މުދަލާއި ތަކެތި އުފުލުން
(ހ) ބައިސްކަލެއްގައި، އެބައިސްކަލަކަށްވުރެ ދިގު އެއްޗެއް އުފުލުމަކީ މަނާކަމެކެވެ.
(ށ) އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ތެރެއިން ހަމައެކަނި ދެމީހުންނަށް އެރޭގޮތަށް ތައްޔާރުކޮށްފައި ހުންނަ ދެފުރޮޅުލީ އެއްގަމު އުޅަނދުގައި، އެ އުޅަނދަކަށްވުރެ ދިގު ތަކެއްޗާއި، ފަހަތުގައި އިންނަ މީހަކަށް އެއްއަތުން ނުހިފެހެއްޓޭވަރުގެ ބަރުތަކެއްޗާއި، އެއުޅަނދަކުން ދާމީހުންނަށް ވުރެ އުސްތަކެއްޗާއި، ވަށިގަނޑަށް ލައިގެން އުފުލޭވަރަށްވުރެ އިތުރަށް އެއްޗެހި ގެންދިޔުމަކީ، ނުވަތަ އުފުލުމަކީ މަނާކަމެކެވެ.
(ނ) މުދާ އުފުލުމަށް ހަދާފައި ހުންނަ އެއްގަމު އުޅަނދުގައި މުދާ އުފުލަންވާނީ، އެ އުޅަނދެއް ދުއްވާފައިދާއިރު، ދުއްވާ މީހާއަށް ކުރިޔާއި ފަހަތް ފެންނަ ގޮތަށެވެ. އަދި ދިއްލަންޖެހޭ ހުރިހާ ބައްތިތައް ފެންނަން ހުންނާނެ ގޮތަށާއި، ނަންބަރު ޕްލޭޓް ފެންނަން ހުންނާނެ ގޮތަށެވެ.
(ރ) މުދާ އުފުލާ ހުރިހާ އުޅަނދުތަކެއްގައި، އެއުޅަނދަކަށް އެންމެ ގިނަވެގެން އެރުވޭނެ ބަރުދަން ފެންނަ ގޮތަށް ލިޔެވިފައި ހުންނަންވާނެއެވެ.
(ބ) އަލިފާން ހިފާފާނެ، ނުވަތަ ގޮވާފާނެ ނުވަތަ އެ އެއްޗެއްގެ ސަބަބުން މީހަކަށް ނުވަތަ ބަޔަކަށް، ނުވަތަ ތަނަކަށް ގެއްލުމެއް ލިބިދާނެފަދަ އެއްޗެއް އުފުލަންވާނީ، އެ އެއްޗެއް އުފުލުމަށް މިނިސްޓްރީން ހުއްދަކޮށްފައިވާ އުޅަނދެއްގައި، އެކަމަށް ކަނޑައަޅާ ގަވާއިދާ އެއްގޮތަށް، ކަނޑައަޅާފައިވާ ނިށާނެއް ހަރުކޮށްގެންނެވެ.
(ޅ) މި މާއްދާގައި ބަޔާންކޮށްފައިނުވާ ހާލަތްތަކުގައި، އުފުލަންޖެހޭ ތަކެތި އުފުލަންވާނީ، މިނިސްޓްރީން އެކަމަށް ކަނޑައަޅާ ގަވާއިދެއްގެ ދަށުންނެވެ.
58 ވަނަ މާއްދާ – މަސައްކަތްކުރުން
(ހ) އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އެއްވެސް ތަނެއްގައި ހިނގާ މީހުންނަށާއި، ދުއްވާ އުޅަނދުފަހަރަށް ހުރަސް އެޅޭ ގޮތަށް އެއްވެސް މަސައްކަތެއް ކުރަންވާނީ، އެކަމަށް ކަނޑައަޅާ ގަވާއިދެއްގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ބަހައްޓަންޖެހޭ ނިށާންތައް ބަހައްޓައިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނިށާންތައް ބަހައްޓައިގެން މަސައްކަތް ކުރަމުންދާ ސަރަހައްދުތަކުގައި އެ ނިށާންތަކާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެކެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރަންޖެހޭ ހުއްދަތަކާއި ނިށާންތައް ދޫކޮށް، އެ މަސައްކަތް ކުރުމަށް ބަންދު ކުރަންޖެހޭ ސަރަހައްދުތައް ކަނޑައަޅައި ބަލަހައްޓާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން އެކަމަށް ކަނޑައަޅާ ފަރާތަކުންނެވެ.
59 ވަނަ މާއްދާ – އެކްސިޑެންޓް
(ހ) އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އެއްވެސް ތަނެއްގައި އެކްސިޑެންޓެއްވެގެން، އެއްވެސް ފަރާތެއްގެ މައްސަލައެއް އޮތްނަމަ، އެކްސިޑެންޓުވި އުޅަނދު އޮތްގޮތަށް، އޮތްތާކު ބޭއްވުމަށްފަހު، އެކްސިޑެންޓުވި ފަރާތްތަކުން ޓްރެފިކް ފުލުހުންނަށް ނުވަތަ އެކަމަށް ކަނޑައަޅާފައިވާ ފަރާތަކަށް އަންގަންވާނެއެވެ.
(ށ) އެކްސިޑެންޓެއްވެފައި، އެއްވެސްފަރާތެއްގެ މައްސަލައެއް ނެތްނަމަ، އެކްސިޑެންޓުވިކަން، 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އެކްސިޑެންޓުވި ފަރާތްތަކުން ޓްރެފިކް ފުލުހުންނަށް ނުވަތަ އެކަމަށް ކަނޑައަޅާފައިވާ ފަރާތަކަށް އަންގަންވާނެއެވެ.
60 ވަނަ މާއްދާ - ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް އެއްގަމު އުޅަނދު ދުއްވުން
(ހ) ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް، އުޅަނދު ދުއްވައިގެން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، އިސްލާމީ ށަރީއަތުން ކަނޑައަޅާ ބަދަލުދިނުމުގެ އަދަބުގެ އިތުރަށް، އެ އުޅަނދު ދުއްވި މީހާގެ ލައިސަންސް 10 (ދިހަ) އަހަރު ދުވަހުގެ މުއްދަތަށް ހިފެހެއްޓޭނެއެވެ.
(ށ) ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް، އުޅަނދު ދުއްވައިގެން މީހެއްގެ ހަށިގަނޑަށް ލިބޭ ގެއްލުމެއްގެ ސަބަބުން، އިސްލާމީ ށަރީއަތުގައި، ލިބުނު ގެއްލުމުގެ ބަދަލު ދިނުން ލާޒިމްކުރާފަދަ ހާލަތަކާއި ކުރިމަތިވެއްޖެނަމަ، ކުށްކުރި މީހާގެ އަދަބަކީ ށަރީއަތުގައި ކަނޑައެޅިފައިވާ ބަދަލު ދިނުމާއެކު، 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމެވެ.
(ނ) މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނަޔަށް ގެއްލުމެއް ލިބިދާފަދަ ގޮތެއްގައި އުޅަނދު ދުއްވި މީހެއްގެ އަދަބަކީ 1 (އެކެއް) އަހަރާއި 2 (ދޭއް) އަހަރާ ދެމެދުގެ މުއްދަތަކަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމެވެ.
61 ވަނަ މާއްދާ - ބަރުގޮނު އެޅުން
(ހ) އެއްގަމު އުޅަނދުގެ ބަރުގޮނު އަޅަންވާނީ، އަދި އޭގެ އަޑު ބަހައްޓަންވާނީ މިނިސްޓްރީން އެކަމަށް ކަނޑައަޅާ މިންގަނޑާ އެއްގޮތްވާ ގޮތަށެވެ.
(ށ) އާންމު ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ކުރެވިފައިވާ އުޅަނދުފަހަރުގައި ބޭނުންކުރުމަށް ހުއްދަކޮށްފައި ހުންނަ ބަރުގޮނު، އެހެނިހެން އުޅަނދުފަހަރުގައި ބޭނުންކުރުމަކީ މަނާކަމެކެވެ.
62 ވަނަ މާއްދާ - ބައްތި ދިއްލުން
އެއްގަމު އުޅަނދު ހަވީރު 6:00 ން ފެށިގެން ހެނދުނު 6:00 އާ ދޭތެރޭ އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ދުއްވަންވާނީ ތިރީގައިމިވާ ގޮތުގެމަތިން، ބައްތި ނުވަތަ ރިފްލެކްޓަރ ހަރުކޮށްގެންނެވެ.
(ހ) އިންޖީނު ނުލާ އުޅަނދުނަމަ، މިނިސްޓްރީން ކަނޑައަޅާވަރެއްގެ އައްޔެއް ނުވަތަ ކުރިއަށް ފެންނަގޮތަށް ބައްތިއެއް ހަރުކޮށްފައި ހުންނަންވާނެއެވެ. މިފަދަ އުޅަނދުގެ ފަހަތުގައި ރަތްކުލައިގެ ރިފްލެކްޓަރެއް ހަރުކޮށްފައި ހުންނަންވާނެއެވެ. މަގުތައް އަލިވާވަރަށް ދިއްލާފައި ހުންނަ ތަންތަނުގައި ދުއްވާ މިފަދަ އުޅަނދުތަކުގައި ބައްތީގެ ބަދަލުގައި ރިފްލެކްޓަރ ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) އިންޖީނުލީ އުޅަނދުގެ ތެރެއިން، ދެފުރޮޅުލީ އުޅަނދުނަމަ، އޭގެ ހެޑްލައިޓާއި ފަހަތު ޓެއިލްލައިޓް ދިއްލާފައި ހުންނަންވާނެއެވެ.
(ނ) އިންޖީނުލީ އުޅަނދުގެ ތެރެއިން، ދެފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުނަމަ އޭގެ ކުރީ ދެފަރާތުގައި ދެ ހެޑްލައިޓާއި ފަހަތު ދެ ޓެއިލްލައިޓް ދިއްލާފައި ހުންނަންވާނެއެވެ.
(ރ) ކަފުޖަހައިގެން އުޅަނދެއް ގެންދާއިރު، އުޅަނދުގައި އެކަމަށް ކަނޑައަޅާފައިވާ ބައްތި ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި ކަފުގައި އޮންނަ އުޅަނދުގެ ފަހަތުގެ ދެ ޓެއިލްލައިޓް ދިއްލާފައި ހުންނަންވާނެއެވެ. ޓެއިލްލައިޓް ނުދިއްލޭނަމަ، އެކަން އެނގޭނެ ނިށާނެއް، ނުވަތަ ރިފްލެކްޓަރެއް ހަރުކޮށްފައި ހުންނަންވާނެއެވެ.
(ބ) އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ކުރިޔާއި ފަހަތުގައި، ސިގްނަލް ބައްތި ހުންނަންވާނެއެވެ. އަދި ބުރެކި ޖެއްސުމުން، އުޅަނދުގެ ފަހަތުން އަންނަ މީހުންނަށް ބުރެކި ބައްތި ފެންނާނެހެން، އަދި އުޅަނދު ހުއްޓިކަން، ނުވަތަ މަޑުކުރިކަން އެނގޭނެހެން، އަދި ފަހަތަށް ދުއްވާއިރު، ފަހަތުގައި ތިބޭ މީހުންނަށް އެނގޭނެހެން ހުދު އައްޔެއް ފެންނަން ހުންނަންވާނެއެވެ. އަދި ކޮންމެ އުޅަނދެއްގެވެސް ފަހަތު ނަންބަރު ޕްލޭޓަށް އަލިވާގޮތަށް ހުދު އަލި ފެންނަ ބައްތިއެއް ހަރުކޮށްފައި ހުންނަންވާނެއެވެ.
63 ވަނަ މާއްދާ - ލައިސަންސް ގެންގުޅުން
(ހ) އެއްގަމު އުޅަނދުތަކުގެ ތެރެއިން، ލައިސަންސް އޮވެގެން ދުއްވުމަށް، ނުވަތަ އޮޕަރޭޓްކުރުމަށް ކަނޑައަޅާފައިވާ އުޅަނދެއް ދުއްވާއިރު، ނުވަތަ އޮޕަރޭޓްކުރާއިރު، އެ އުޅަނދު ދުއްވާމީހާއަށް، ނުވަތަ އޮޕަރޭޓްކުރާ މީހާއަށް ދޫކޮށްފައިވާ އެ ގިންތީގެ އުޅަނދެއް ދުއްވުމުގެ ލައިސަންސް، އެމީހެއްގެ އަތުގައި، ނުވަތަ ފަސޭހައިން ފެންނާނެހެން އެ އުޅަނދެއްގައި އޮންނަންވާނެއެވެ.
(ށ) ޓްރެފިކް ބަލަހައްޓާ ފުލުހުން ލައިސަންސް ދެއްކުމަށް އެދިއްޖެ ހިނދެއްގައި، އެފަރާތަކަށް ލައިސަންސް ބެލުމަށްޓަކައި ދޭންވާނެއެވެ.
(ނ) އެގްޒަމިނަރެއްގެ ބެލުމުގެ ދަށުން އިމްތިހާނުގައި ދުއްވާއިރު، ލައިސަންސް ގެންގުޅޭކަށް ނުޖެހޭނެއެވެ. ނަމަވެސް، އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި މިފަދަ އިމްތިހާނަކަށް ދުއްވާއިރު، ދުއްވާ މީހާއާއެކު އެގްޒަމިނަރ އިންނަންވާނެއެވެ.
64 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓުމާއި ބާތިލު ކުރުން
(ހ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މި ގާނޫނާ ހިލާފު އަމަލުތައް ކުރާ ފަރާތްތަކުގެ ލައިސަންސް، މި ގާނޫނުގައިވާ ގޮތުގެމަތިން ހިފެހެއްޓުމުގެ އިހްތިޔާރު، ޓްރެފިކް ފުލުހުންނަށް ލިބިގެންވެއެވެ.
(ށ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމަށް ށަރްއީ ކޯޓަކުން ކުރާ އަމުރެއްގެ ދަށުން، އަމުރުކުރާ މުއްދަތަކަށް ލައިސަންސް ހިފެހެއްޓޭނެވެ.
(ނ) އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި، އެއްގަމު އުޅަނދު ދުއްވާފަރާތްތަކުގެ ތެރެއިން މި ގާނޫނާ ހިލާފުވާ ފަރާތްތަކުގެ ލައިސަންސް، ޓްރެފިކް ކަންތައް ބަލަހައްޓާ ފަރާތްތަކުގެ ތެރެއިން ލައިސަންސް ހިފެހެއްޓުމުގެ ހުއްދަ ދީފައިވާ ބަޔަކަށް އެ މައްސަލަ ބަލައި ނިމެންދެން، އަތުލެވިދާނެއެވެ. މިގޮތުން ލައިސަންސް ހިފަހައްޓައިފިނަމަ، ލައިސަންސްގެ ބަދަލުގައި 48 (ސާޅީސް އަށެއް) ގަޑިއިރަށް އެއްގަމު އުޅަނދު ދުއްވުމުގެ ވަގުތީ ލައިސަންސެއް ދޫކުރަންވާނެއެވެ. އަދި މައްސަލަ ނިންމައި ލަސްވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުތެރޭގައި ލައިސަންސް ހަވާލުކުރަންވާނެއެވެ.
(ރ) ލޮލުގެ ފެނުމާއި ބަލި ހާލަތު ނިޔާކުރާގޮތުން ނުވަތަ އެ އުޅަނދެއް ދުއްވުމުގެ ގާބިލުކަން ނެތް މީހެއް އެއްގަމު އުޅަނދު ދުއްވުމަށް އެކަށީގެންނުވާ މީހެއްކަމަށް ޓްރެފިކް ފުލުހުންނަށް ނުވަތަ ޓްރެފިކް ފުލުހުން ކަނޑައަޅާ ބަޔަކަށް ސާބިތުވެއްޖެ ހިނދެއްގައި، އެމީހެއްގެ ލައިސަންސް ހިފެހެއްޓުމުގެ އިހްތިޔާރު، ޓްރެފިކް ފުލުހުންނަށް ލިބިގެންވެއެވެ.
(ބ) އެއްވެސް ސަބަބަކާހުރެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓިފައި ވަނިކޮށް، ނުވަތަ ވަގުތީ ލައިސަންސެއް ނެތި، އެއްގަމު އުޅަނދެއް ދުއްވި މީހެއްގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުން، ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
(ޅ) ލައިސަންސް އޮވެގެން ދުއްވޭ ނުވަތަ އޮޕަރޭޓް ކުރަންޖެހޭ އެއްގަމު އުޅަނދެއް، ލައިސަންސް ނުނަގައި ދުއްވި މީހާގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ 1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 2,000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
65 ވަނަ މާއްދާ – ޖޫރިމަނާކުރުން
މި ގާނޫނުގައި ކުށަކަށް ވަކި އަދަބެއް ކަނޑައެޅިފައި ނުވާ ކޮންމެ ކުށެއްގެ އަދަބަކީ 750 (ހަތް ސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
66 ވަނަ މާއްދާ – އިންށުއަރެންސް
(ހ) ދިވެހިރާއްޖޭގައި އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވާނީ ތާރޑް ޕާޓީ އިންށުއަރެންސް ކޮށްގެންނެވެ.
(ށ) މި މާއްދާގެ (ހ) އަށް އަމަލުކުރަން ފަށާނީ މި ގާނޫނު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރާތާ 1 (އެކެއް) އަހަރު ފަހުންނެވެ.
67 ވަނަ މާއްދާ – މާނަކުރުން
މި ގާނޫނުގައި، އެ އިބާރާތް ހިމެނިފައިވާގޮތުން އެހެންގޮތަކަށް ކަނޑައެޅިގެން ދޭހަނުވާނަމަ:
(ހ) "އެއްގަމު ދަތުރުފަތުރުގެ ނިޒާމް" ކަމަށް ބުނެފައި އެވަނީ މީހުން އުޅޭ ރަށްރަށާއި އަދި އާންމު ހިދުމަތްދޭ ތަންތަނުގައި އެއްގަމު އުޅަނދުތައް ދުއްވުމަށް ކަނޑައަޅާފައިވާ ބަންޑާރަ މަގުތަކާއި، ފާލަންތަކާއި، މިފަދަ ތަންތަނުގައި ދުއްވާ ހުރިހާ ބާވަތެއްގެ އުޅަނދުތަކާއި، ދުއްވާ މީހުންނަށެވެ.
(ށ) "އާންމު ދަތުރުފަތުރު" ކަމަށް ބުނެފައި އެވަނީ އަގުދީގެން އާންމުންނާއި ލުއި ދާގީނާ އުފުލަން ކަނޑައަޅާ ހުއްދަދީފައިވާ އުޅަނދުފަހަރުންކުރާ ދަތުރުތަކަށެވެ.
(ނ) "ޓެކްސީ" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ ދަށުން ލައިސަންސް ލިބިގެން ފަސިންޖަރުންނާއި ލުއި ދާގީނާ އުފުލުމަށް ކަނޑައެޅިފައިވާ އަގެއް ދިނުމާއެކު އެއް ތަނުން އަނެއް ތަނަށް ފަސިންޖަރުންނާއި ލުއި ދާގީނާ އުފުލުމަށް ދުއްވާ އުޅަނދުފަހަރަށެވެ.
(ރ) "ރޯޑްވާދިނަސް" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ ދަށުން އެއްގަމު އުޅަނދުފަހަރު ރަޖިސްޓަރީކޮށް ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ކުރިން މިނިސްޓްރީން ކަނޑައަޅާ ގަވާއިދާއި ށަރުތުތަކެއްގެ މަތިން އެފަދަ އުޅަނދެއް އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރުމަށް ކަނޑައެޅޭ ސަލާމަތީ މިންގަނޑަކަށް ފެތޭތޯ ބެލުމަށް އޮންނަ އުސޫލުތަކަށެވެ.
(ބ) "ޓެކްސީ ސެންޓަރު" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގައި ބުނެފައިވާ ލައިސަންސް ލިބިގެން ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކަށެވެ.
(ޅ) "ބަރުގޮނު" ކަމަށް ބުނެފައި އެވަނީ އަޑުނެރުމަށް އުޅަނދުގައި ހަރުކޮށްފައި ހުންނަ ކޮންމެ ވަސީލަތަކަށެވެ.
(ކ) "ޕާކު ކުރުން" ކަމަށް ބުނެފައި އެވަނީ ތަނެއްގައި، ނުވަތަ ސަރަހައްދެއްގައި އިންޖީނު ނިއްވާފައި ޑްރައިވަރެއް ނެތި އުޅަނދު ބާއްވާފައި އޮންނަ އޮތުމަށެވެ.
(އ) "ތާރޑް ޕާޓީ އިންށުއަރެންސް" ކަމަށް ބުނެފައި އެވަނީ ތިމާގެ އުޅަނދަކުން އަނެކާއަށް ނުވަތަ އަނެކާގެ އުޅަނދަކަށް ނުވަތަ ތަންތަނާއި މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ދެވޭގޮތަށް ކޮށްފައި ހުންނަ އިންށުއަރެންސަށެވެ.
(ވ) "އެއްގަމު އުޅަނދު" ކަމަށް ބުނެފައި އެވަނީ މީހުން އުފުލުމަށާއި، މުދާ އުފުލުމަށާއި މީހުންނާއި މުދާ އުފުލުމަށާއި، ތަފާތު އާންމު ހިދުމަތް ދިނުމުގެ ގޮތުން އެއްގަމުގައި ދުއްވުމަށް ނުވަތަ ގެންދިޔުމަށް ނުވަތަ ދިޔުމަށް އުފައްދާފައި ހުންނަ އުޅަނދަށެވެ.
(މ) "އިންޖީނުލީ އުޅަނދު" ކަމަށް ބުނެފައި އެވަނީ ތެޔޮ ބޭނުންކޮށްގެންނާއި، ކަރަންޓު ބޭނުންކޮށްގެންނާއި، އިރުގެ ހަކަތަ ނުވަތަ ބެޓެރީ ހަކަތަ ބޭނުންކޮށްގެންނާއި، ނުވަތަ އެނޫންވެސް ހަކަތައިގެ ބާވަތެއް ބޭނުންކޮށްގެން، ނުވަތަ އެނޫންވެސް ހަކަތައިގެ ބާވަތެއްގެ އެހީގައި ބޭނުންކުރެވިދާނެ، ނުވަތަ ދުއްވިދާނެ ކޮންމެ އެއްގަމު އުޅަނދަކަށެވެ.
(ފ) "ޑްރައިވިންގ އިންސްޓްރަކްޓަރ" ކަމަށް ބުނެފައި އެވަނީ އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދޭ މީހާއަށެވެ.
(ދ) "އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދު" ކަމަށް ބުނެފައި އެވަނީ ކަނޑައަޅާފައިވާ ގަޑިތަކަކާއި އެއްގޮތަށް ފަސިންޖަރުން އަތުން ފީނަގާ އަދި ކަނޑައަޅާ ގަޑިތަކަކާއި އެއްގޮތަށް މިނިސްޓްރީން ދޫކުރާ ލައިސަންސްއަކާއި އެއްގޮތްވާ ގޮތުގެމަތީން ދަތުރުކުރާ އުޅަނދުފަހަރަށެވެ.
(ތ) "ބަސްހުއްޓި" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގައިވާ ގޮތުގެމަތިން ބަސް ދުއްވުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތައް ބަސް ދުއްވާ މަގުތަކުގައި ނުވަތަ ތަންތަނުގައި ހުއްދަ ދެވިފައިވާ އުޅަނދުފަހަރަށް ފަސިންޖަރުން އަރައި ފޭބުމަށް ހާއްސަ ކުރެވިފައިވާ ތަންތަނަށެވެ.
(ލ) "ޓްރެފިކް ފުލުހުން" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 2008-05 (ފުލުހުންގެ ގާނޫނު) ގައިވާ ގޮތުގެމަތިން ޓްރެފިކް ބަލަހައްޓަން ކޮމިށަނަރ އޮފް ޕޮލިސް އެކަށައަޅާ ފަރާތަކަށެވެ.
(ގ) "ދުވާރު" ކަމަށް ބުނެފައި އެވަނީ މަގުގެ އަރިމަތީގައި ހިނގުމަށް ހާއްސަކޮށްފައިވާ ތަނަށެވެ.
(ޏ) "ބަންޑާރަ މަގު" ކަމަށް ބުނެފައި އެވަނީ އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން އަމިއްލަ ބޭނުމަށް ކަނޑައަޅައި ހެދިފައިވާ އެންމެހައި މަގުތަކާއި ގޯޅިތައް ފިޔަވައި ދައުލަތުން ކަނޑައަޅާ ގޮތްތަކަކަށް ބޭނުންކުރެވޭ އެންމެހައި މަގުތަކާއި ގޯޅިތަކަށެވެ.
68 ވަނަ މާއްދާ - އުވާލެވޭ ގާނޫނު
މި ގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 7/1995 (އެއްގަމުގައި ދުއްވާ އެއްޗެއްސާބެހޭ ގާނޫނު) އުވުނީއެވެ.
______________
ޖަދުވަލު
އެއްގަމު އުޅަނދުން ފީ ނެގުމުގެ ތާވަލު
1. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުން، ތިރީގައިމިވާ ގޮތުގެމަތިން ފީ ނެގޭނެއެވެ.
(ހ) މޮޓޯ ސައިކަލް، އިންޖީނުލީ ބައިސްކަލް، ސްކޫޓަރުފަދަ ތަކެތި:-
- އިންޖީނު ކެޕޭސިޓީގައި 50 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 180 (ސަތޭކަ އަށްޑިހަ) ރުފިޔާ
- އިންޖީނު ކެޕޭސިޓީގައި 50 ކޮޑި ސެންޓިމީޓަރު ހަމަވެފައި، 100 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 360 (ތިންސަތޭކަ ފަސްދޮޅަސް) ރުފިޔާ
- އިންޖީނު ކެޕޭސިޓީގައި 100 ކޮޑި ސެންޓިމީޓަރު ހަމަވެފައި، 150 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 648 (ހަސަތޭކަ ސާޅީސް އަށެއް) ރުފިޔާ
- އިންޖީނު ކެޕޭސިޓީގައި 150 ކޮޑި ސެންޓިމީޓަރު ހަމަވެފައި، 200 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 1,152 (އެއްހާސް އެއްސަތޭކަ ފަންސާސް ދޭއް) ރުފިޔާ
- އިންޖީނު ކެޕޭސިޓީގައި 200 ކޮޑި ސެންޓިމީޓަރު ހަމަވެފައި، 400 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 3,240(ތިންހާސް ދުއިސައްތަ ސާޅީސް) ރުފިޔާ
- އިންޖީނު ކެޕޭސިޓީގައި 400 ކޮޑި ސެންޓިމީޓަރުންފެށިގެން މަތީގެ ކޮންމެ އެއްޗަކުން އަހަރަކު 4,320 ( ހަތަރުހާސް ތިންސަތޭކަ ވިހި) ރުފިޔާ
(ށ) ކާރު، ޖީޕު، ވޭން، ފަދަ ތަކެތި:-
- އިންޖީނު ކެޕޭސިޓީގައި 1000 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 2,160 (ދެހާސް އެއްސަތޭކަ ފަސްދޮޅަސް) ރުފިޔާ
- އިންޖީނު ކެޕޭސިޓީގައި 1000 ކޮޑި ސެންޓިމީޓަރު ހަމަވެފައި، 1500 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 2,808 (ދެހާސް އަށްސަތޭކަ އަށެއް) ރުފިޔާ
- އިންޖީނު ކެޕޭސިޓީގައި 1500 ކޮޑި ސެންޓިމީޓަރު ހަމަވެފައި، 2000 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 3,672 (ތިންހާސް ހަސަތޭކަ ހަތްދިހަ ދޭއް) ރުފިޔާ
- އިންޖީނު ކެޕޭސިޓީގައި 2000 ކޮޑި ސެންޓިމީޓަރުން ފެށިގެން މަތީގެ ކޮންމެ އެއްޗަކުން އަހަރަކު 5,670 (ފަސްހާސް ހަސަތޭކަ ހަތްދިހަ) ރުފިޔާ
(ނ) މި ޖަދުވަލުގެ 1 ވަނަ ނަންބަރުގެ (ހ) އާއި، (ށ) ގައި ބަޔާންކޮށްފައިވާ އެއްޗެތީގެ ތެރެއިން، ތެޔޮ އަންދައިގެން ނޫންގޮތަކަށް ދުއްވާ އެއްޗެތީގެ ފީ ކަނޑައަޅާނީ، އެއްބޭނުމެއްކުރާ، ޖާގައިގެ ގޮތުން އެއްވަރު، ތެޔޮ އަންދައިގެން ދުއްވާ އެއްޗެތީގެ ފީގެ ތިންބައިކުޅަ ދެބަޔަށް ވާވަރެވެ. އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ތެރެއިން އިންޖީނު ކެޕޭސިޓީއަށް މި ޖަދުވަލުގެ 1 ވަނަ ނަންބަރުގެ (ހ) އާއި، (ށ) އަށް ނުފެތޭ ތަކެތިން ފީ ނެގުމަށް ބަލާނީ ކިލޯވޯޓުންނެވެ.
(ރ) ލޮރީ، ޓްރެކްޓަރ، ޕިކަޕް، ފޯކްލިފްޓް، ސޭލާ ފަދަ ތަކެތި:-
- އުފުލޭ ބަރުދަން 2000 ކިލޯ ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 1,800 (އެއްހާސް އަށްސަތޭކަ) ރުފިޔާ
- އުފުލޭ ބަރުދަން 2000 ކިލޯ ހަމަވެފައި 5000 ކިލޯ ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 5,000 (ފަސްހާސް) ރުފިޔާ
- އުފުލޭ ބަރުދަން 5000 ކިލޯއިން ފެށިގެން މަތީގެ ކޮންމެ އެއްޗަކުން އަހަރަކު 7,500 (ހަތްހާސް ފަސްސަތޭކަ) ރުފިޔާ
2. އަލަށް ރަޖިސްޓަރީކުރާ ކޮންމެ އެއްގަމު އުޅަނދަކުން 100 (ސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭށަން ފީއެއް ނެގޭނެއެވެ.
3. ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދެއްގެ ރަޖިސްޓަރީ ގެއްލިގެން، ނުވަތަ ހަލާކުވެގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ، އަލުން ރަޖިސްޓަރީއެއް ހަދައިދޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 100 (ސަތޭކަ) ރުފިޔާ ނެގުމަށް ފަހުގައެވެ.
4. އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދިނުމަށް ބާއްވާ އިމްތިހާނުގައި ބައިވެރިވުމުގެ ފީއާއި، ލައިސަންސް ކާޑާއި އޮޕަރޭޓްކުރުމުގެ ހުއްދައާއި، ލައިސަންސް ފޮތުގެ އަގު، ތިރީގައިމިވާ ގޮތުގެމަތިން ނެގޭނެއެވެ.
(ހ) އިމްތިހާނުގައި އިށީންނަ ކޮންމެ ފަހަރަކަށް 100 (ސަތޭކަ) ރުފިޔާ
(ށ) ލައިސަންސް ކާޑާއި އޮޕަރޭޓިންގ ޕާރމިޓާއި ލައިސަންސް ފޮތުގެ އަގަށް 250 (ދުއިސައްތަ ފަންސާސް) ރުފިޔާ
މުއްދަތު ހަމަވެގެން އަލުން ހައްދާ ލައިސަންސް ކާޑާއި އޮޕަރޭޓިންގ ޕާރމިޓާއި ލައިސަންސް ފޮތުގެ އަގަށް 250 (ދުއިސައްތަ ފަންސާސް) ރުފިޔާ
ލައިސަންސް ކާޑު، އޮޕަރޭޓިންގ ޕާރމިޓް ނުވަތަ ލައިސަންސް ފޮތް ގެއްލިގެން ނުވަތަ ހަލާކުވެގެން ހައްދާނަމަ، ހައްދާ ކޮންމެ އެއްޗަކަށް 250 (ދުއިސައްތަ ފަންސާސް) ރުފިޔާ
މި ގާނޫނަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓެޑް ގާނޫނު
އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2009-05)
އުވުނު ގާނޫނު
އެއްގަމުގައި ދުއްވާ އެއްޗެއްސާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1995-07)
މި ގާނުގެދަށުން ހެދިފައިވާ ގަވާއިދު
- އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރާ ގުޅޭގޮތުން ދައްކަންޖެހޭ އަހަރީފީއާއި ޖޫރިމަނާގެ ފައިސާ ބަހައިލައިގެން ދެއްކުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-122)
- ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 2022-132)
- ޑްރައިވިންގ ސްކޫލް ހިންގުމާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-11)
- އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-170)
- އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-150)
- ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން ށަކުވާ ހުށަހެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-146)
- އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 5/2009) ގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-145)
- އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-144)
- އެއްގަމު އުޅަނދު ދުއްވުމުގެ ޢާންމު ގަވާއިދު (ގަވާއިދު ނަންބަރު 2021-131)
- އިސްތިސްނާކުރެވޭ އެއްގަމު އުޅަނދުތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-124)
- އިންޖީނުލީ އެއްގަމު އުޅަނދު ތާރޑް ޕާޓީ އިންށުއަރެންސް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-123)
- އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-102)
- އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-76)
- އެއްގަމު ދަތުރުފަތުރުގެ ނިށާންތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-13)
- އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2017-08)
- ސައިކަލް ޓެކްސީ ގެ ގަވާއިދު (ގަވާއިދު ނަންބަރު2016-93)
- އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2016-01)
- ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 2013-1475)
- ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 2013-1322)
- އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2013-16)
- އިންޖީނުލީ އެއްގަމު އުޅަނދު ތާރޑްޕާޓީ އިންށޯރެންސް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-21)
- އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-01)
- އެއްގަމު ދަތުރުފަތުރުކުރުމުގައި ބޭނުންކުރާ ޓްރެފިކް ނިށާންތަކުގެ ގަވާއިދު - 2009
- އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދު 4/2009
- އެއްގަމު އުޅަނދު ރޯޑްވާރދިނަންސް ހެދުމުގެ ގަވާއިދު - 2009
- އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު - 2009
- އެއްގަމު ދަތުރުފަތުރުކުރުމުގައި ބޭނުންކުރާ ޓްރެފިކް ނިށާންތަކުގެ ގަވާއިދު - 2009
މަގުސަދު
1 އޭޕްރިލް 2009 ވި ބުދަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2009 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ތޭރަވަނަ ޖަލްސާއިން ފާސްކުޅަ "އެއްގަމު ދަތުރުފަތުރުގެ ބިލު" ބަލައި، ތަޞްދީޤުކޮށްފައިވަނީ 15 އެޕްރީލް 2009 (19 ރަބީޢުލްއާޚރު 1430) ގައެވެ.
ކިޔުންތެރިންގެ ހިޔާލު