-

ޑްރައިވިންގ ސްކޫލް ހިންގުމާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-11)

އެއްވަނަ ބާބު

ތައާރުފު

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މިއީ، ދިވެހިރާއްޖޭގައި ޑްރައިވިންގ ސްކޫލު ހިންގުމުގެ ށަރުތުތަކާއި، ޑްރައިވިންގ އިންސްޓްރަކްޓަރަކަށް ވުމުގެ ށަރުތުތަކާއި، ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސާއި ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް ދިނުމުގެ އުސޫލުތަކާއި، އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 30 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރުލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ނ) މި ގަވާއިދަށް ކިޔާނީ، "ޑްރައިވިންގ ސްކޫލް ހިންގުމާއި ، ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސް ދޫކުރުމާއި، ސްކޫލް ހިންގުމުގެ އުސޫލުތައް ބަޔާންކުރުން.

(ށ) ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސް ހިފެހެއްޓުމާއި، ލައިސަންސް ބާތިލުކުރުމުގެ އުސޫލުތައް ބަޔާންކުރުން.

(ނ) ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް ދޫކުރުމާއި، ޑްރައިވިންގ އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރުމުގެ އުސޫލުތައް ބަޔާންކުރުން.

(ރ) ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް ހިފެހެއްޓުމާއި ، ލައިސަންސް ބާތިލުކުރުމުގެ އުސޫލުތައް ބަޔާންކުރުން.

(ބ) އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުން.

(ޅ) ޑްރައިވިންގ ސްކޫލަކާ ގުޅިގެން ނުވަތަ ޑްރައިވިންގ އިންސްޓަރަކްޓަރަކާ ގުޅިގެން ށަކުވާ ހުށަހެޅުމުގެ އުސޫލުތައް ބަޔާންކުރުން.

(ކ) ޑްރައިވިންގ ސްކޫލުގެ އިންސްޓްރަކްޓަރުންނާއި އާންމު އިންސްޓްރަކްޓަރުންގެ ށަރުތުތައް ކަނޑައެޅުން.

(އ) ދުއްވަން ދަސްކޮށްދިނުމަށް ފީގެ ގޮތުގައި ނެގޭނެ އެންމެ މަތީ އަދަދު ކަނޑައެޅުން.

(ވ) އެކިއެކި ގިންތީގެ ވެހިކަލްތަކަށް ޑްރައިވަރުން އިމްތިހާނު ކުރެވޭނެ ގޮތްތައް ބަޔާންކުރުން.

 

ދެވަނަ ބާބު

ޑްރައިވިންގ ސްކޫލް ހިންގުން

 

3 ވަނަ މާއްދާ - ޑްރައިވިންގ ސްކޫލް

(ހ) ދިވެހިރާއްޖޭގައި ޑްރައިވިންގ ސްކޫލް ހިންގަންވާނީ ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މިނިސްޓްރީން ދޫކުރާ "ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސް" ލިބުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިންސަންސް ހޯދުމަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ، އެ ކަމަށް ތައްޔާރުކޮށްފައިވާ ފޯމުން، މިނިސްޓްރީއަށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމު މެދުވެރިކޮށް، ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސަށް އެދި ހުށަހެޅުމެއް ލިބުމުން، މި ގަވާއިދުގައިވާ ކަންކަން އެ ހުށަހެޅުމެއްގައި ފުރިހަމަވާނަމަ، ލަސްވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި،ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސް މިނިސްޓްރީން ދޫކުރަންވާނެއެވެ. 

 

4 ވަނަ މާއްދާ - ޑްރައިވިންގ ސްކޫލުގެ ށަރުތުތައް

މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސް ދެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

(ހ) ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ވުން ނުވަތަ ގާނޫނު ނަންބަރު 13/2011 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޕާޓްނަރށިޕަކަށް ވުން ނުވަތަ ގާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ، އެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން "އަމިއްލަ ވިޔަފާރި" އަކަށް ވުން.

(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މަސްއޫލުވެރި ފަރާތެއް ކަނޑައަޅައިފައި ވުން.

(ނ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ އޮފީހެއް ހުރުން.

(ރ) ޑްރައިވިންގ ސްކޫލުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ޑްރައިވިންގ ސްކޫލުން ދިގު މުއްދަތަށް ކުއްޔަށް ހިފައިފައިވާ، އެ ޑްރައިވިންގ ސްކޫލަކުން ދުއްވަން ދަސްކޮށްދޭ ކޮންމެ ބާވަތެއްގެ 1 (އެކެއް) އުޅަނދު އޮތުން.

(ބ) ޑްރައިވިންގ ސްކޫލުން ދުއްވަން ދަސްކޮށްދޭ ކޮންމެ ބާވަތެއްގެ އުޅަނދަކަށް މަދުވެގެން 1 (އެކެއް) ޑްރައިވިންގ އިންސްޓްރަކްޓަރަކު ހުރުން.

(ޅ) ޑްރައިވިންގ ސްކޫލުން ދުއްވަން ދަސްކޮށްދިނުމުގައި ބޭނުންކުރާ އުޅަނދުތަކުގައި، މި ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވުން.

 

5 ވަނަ މާއްދާ - ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސަށް އެދި ހުށަހަޅަންޖެހޭ ތަކެތި

މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމާއެކު އަންނަނިވި މައުލޫމާތާއި ލިޔެކިއުންތައް ހުށަހަޅަންވާނެއެވެ.

(ހ) ކުންފުނި ނުވަތަ ޕާޓްނަރށިޕް ނުވަތަ ގާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން "އަމިއްލަ ވިޔަފާރި" ރަޖިސްޓަރީގެ ކޮޕީ.

(ށ) މަސްއޫލުވެރި ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

(ނ) މަސްއޫލުވެރި ފަރާތުގެ ކުށުގެ ރިކޯޑު.

(ރ) ޑްރައިވިންގ ސްކޫލުގެ މަސްއޫލުވެރި ފަރާތުގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށް އިއުތިރާޒެއް ނެތްކަން ބަޔާންކޮށް އެ ފަރާތުން ދީފައިވާ ލިޔުން. ޑްރައިވިންގ ސްކޫލުގެ މަސްއޫލިއްޔަތު ހަވާލުކުރިކަމުގެ ލިޔުން، ނުވަތަ ކުންފުނީގެ ބޯޑުގެ ނިންމުން.

(ބ) އޮފީސް ހިންގާ ތަނާބެހޭ، ތިރީގައިވާ މައުލޫމާތު:

  1. އެޑްރެސް؛
  2. ފޯނު ނަންބަރު.

(ޅ) ސްކޫލުގައި ދުއްވަން ދަސްކޮށްދިނުމަށް ބޭނުންކުރާ އުޅަނދުގެ މައުލޫމާތު.

(ކ) ޑްރައިވިންގ އިންސްޓްރަކްޓަރުންގެ މައުލޫމާތު

(އ) ފޯމުގައި ހުށަހެޅުމަށް ކަނޑައަޅައިފައިވާ އެހެނިހެން ލިޔެކިއުންތައް

 

6 ވަނަ މާއްދާ - .މަސްއޫލުވެރި ފަރާތުގެ ށަރުތު

މި ގަވާއިދުގެ ދަށުން ޑްރައިވިންގ ސްކޫލް ހިންގުމަށް އެދި ހުށަހަޅާ ކޮންމެ ތަނެއްގައި،އަންނަނިވި ށަރުތުތައް ފުރިހަމަވާ މަސްއޫލުވެރި ފަރާތެއް ހުންނަންވާނެއެވެ.

(ހ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސަކަށް ވުން.

(ށ) ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ކުށުގެ ރިކޯޑެއް ނެތް މީހަކަށް ވުން.

 

7 ވަނަ މާއްދާ - ޑްރައިވިންގ ސްކޫލް ހިންގާ އޮފީހުގެ ށަރުތު

މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ޑްރައިވިންގ ސްކޫލް ހިންގާ ކޮންމެ އޮފީހެއްގައި އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

(ހ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސް އާންމުކޮށް ފެންނަގޮތަށް ބަހައްޓައިފައި ވުން.

(ށ) މީހުން ދިރިއުޅޭ ތަންތަނާ ވަކިކޮށްފައިވާ ތަނަކަށް ވުން.

(ނ) އިދާރީ އޮފީހެއް ހުރުން.

(ރ) މަދުވެގެން 1) އެކެއް) ކްލާސް ރޫމް ހުރުން.

(ބ) ދުއްވަން ދަސްކުރުމާބެހޭ ތިއަރީ ދަސްކޮށްދިނުމަށް ބޭނު ންވާ ވަސީލަތްތައް ހުރުން.

(ޅ) ފާހާނާކުރެވޭ ގޮތަށް ހުރުމާއި، ބޯފެން ލިބެން ހުރުން.

(ކ) ދުއްވަން ދަސްކޮށްދޭ ސައިޓުގައި ބޭނުންކުރާނެ ފަސްޓް އެއިޑް ކިޓް ހުރުން.

 

8 ވަނަ މާއްދާ - ލައިސަންސް ފީ

ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސް ދޫކުރެވޭނީ އަދި ލައިސަންސް އައުކޮށްދެވޭނީ ހިދުމަތުގެ އަގުގެ ގޮތުގައި 500 (ފަސްސަތޭކަ) ދިވެހި ރުފިޔާ ދެއްކުމުންނެވެ.

 

9 ވަނަ މާއްދާ - ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސްގެ މުއްދަތާއި ލައިސަންސް އައުކުރުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކޮށްފައިވާ ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސްގެ މުއްދަތަކީ 5 (ފަހެއް) އަހަރުދުވަހެވެ.

(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކޮށްފައިވާ ޑްރައިވިންގ ސްކޫލް ލައިސަންސްގެ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން، ލައިސަންސް އައުކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި ލައިސަންސް އައުކުރުމަށް،މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފީ ދައްކަންޖެހޭނެއެވެ.

 

10 ވަނަ މާއްދާ - ޑްރައިވިންގ ސްކޫލުގެ ނަން

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ކޮންމެ ޑްރައިވިންގ ސްކޫލެއްގެ ނަމުގެ ފަހަތަށް "ޑްރައިވިންގ ސްކޫލް" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

11 ވަނަ މާއްދާ - މަސްއޫލުވެރި ފަރާތުގެ ޒިންމާ

(ހ) ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޑްރައިވިންގ ސްކޫލް ހިންގުމާއި ޑްރައިވިންގ ސްކޫލުގެ ފަރާތުން މި ގަވާއިދުގެ ދަށުން އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމުތައް އަދާކުރުމަކީ މަސްއޫލުވެރި ފަރާތުގެ ޒިންމާއެކެވެ.

(ށ) ޑްރައިވިންގ ސްކޫލް ހިންގުމާ ގުޅޭ އެންމެހައި ކަންކަމުގައި މިނިސްޓްރީއަށް ޖަވާބުދާރީވާނީ މަސްއޫލުވެރި ފަރާތުންނެވެ.

(ނ) ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ނުވަތަ އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކާ ހިލާފުވާ ޑްރައިވިންގ ސްކޫލަކާމެދު މިނިސްޓްރީން ފިޔަވަޅު އެޅުމަށް މި މާއްދާގެ (ހ) އާއި (ށ) ހުރަހެއް ނާޅާނެއެވެ.

 

12 ވަނަ މާއްދާ - މަސްއޫލުވެރި ފަރާތް ބަދަލުކުރުން

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅައިފައިވާ ޑްރައިވިންގ ސްކޫލުގެ މަސްއޫލުވެރި ފަރާތް ބަދަލުކުރުމަށް ބޭނުންވެއްޖެނަމަ އެކަމަށް އެދި ހުށަހަޅާނީ ލިޔުމަކުން މިނިސްޓްރީއަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑްރައިވިންގ ސްކޫލުގެ މަސްއޫލުވެރި ފަރާތުގެ ގޮތުގައި އައްޔަނު ކުރުމަށް ހުށަހަޅާ ފަރާތުގެ ކިބައިގައި، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައްފުރިހަމަވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ޑްރައިވިންގ ސްކޫލުގެ މަސްއޫލުވެރި ފަރާތް ބަދަލުކުރުމަށް ހުށަހަޅާއިރު، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) އާއި، (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ލިޔެކިއުންތައް ހުށަހަޅާންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ޑްރައިވިންގ ސްކޫލުގެ މަސްއޫލުވެރި ފަރާތް ބަދަލުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި މި މާއްދާގައިވާ ކަންކަން ފުރިހަމަވާނަމަ، ގިނަވެގެން ރަސްމީ ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސަށް މިނިސްޓްރީން ބަދަލު ގެނެސްދޭންވާނެއެވެ.

 

13 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކޮށްފައިވާ ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސް އަންނަނިވި ހާލަތްތަކުގައި ހިފެހެއްޓޭނެއެވެ.

  1. މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން، ނުވަތަ (ނ) ގެ ދަށުން، ނުވަތަ (ރ) ގެ ދަށުން، ނުވަތަ (ބ) ގެ ދަށުން، ނުވަތަ (ޅ) ގެ ދަށުން، ޑްރައިވިންގ ސްކޫލެއްގައި ހުންނަންޖަހޭ ށަރުތުތަކުގެ ތެރެއިން ށަރުތެއް އުނިވުން؛
  2. މި ގަވާއިދުގެ ދަށުން ޑްރައިވިންގ ސްކޫލުން ފުރިހަމަ ކުރަންޖެހޭ ކަންކަމުގައި މިނިސްޓްރީން ކަނޑައަޅައިފައިވާ ކަމެއް، އެކަން ފުރިހަމަ ކުރުމަށް މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަ ނުކުރުން؛
  3. މި ގަވާއިދުގެ 34 ވަނަ މާއްދާގެ ދަށުން ލައިސަންސް ހިފެހެއްޓުމަށް މިނިސްޓްރީން ނިންމުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސް ހިފެހެއްޓޭނީ ، އެންމެ ގިނަވެގެން 6 (ހައެއް) މަސްދުވަހަށެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ، ނުވަތަ (2) ވަނަ ނަންބަރުގެ ދަށުން ލައިސަންސް ހިފަހައްޓައިފައިވާ ހާލަތެއްގައި، ލައިސަންސް ހިފެހެއްޓުނު ސަބަބަށް ރިއާޔަތްކޮށް، މިނިސްޓްރީން ފުރިހަމަކުރުމަށް އަންގާ ކަންކަން ފުރިހަމަ ކުރުމުން، ލައިސަންސް ހިފަހައްޓައިފައިވާ މުއްދަތުގެ ކުރިން ލައިސަންސް އަނބުރާ ދޫކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށްލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ލައިސަންސް ހިފަހައްޓައިފައިވާ ހާލަތެއްގައި، ލައިސަންސް އަނބުރާ ދޫކޮށްދެވޭނީ، ލައިސަންސް ހިފަހައްޓައިފައިވާ މުއްދަތު ނިމުމުންނެވެ.

(ބ) މި މާއްދާގެ ދަށުން ލައިސަންސް ހިފަހައްޓައިފައިވާ މުއްދަތުގެ ތެރޭގައި ޑްރައިވިންގ ސްކޫލުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ.

 

14 ވަނަ މާއްދާ - ލައިސަންސް ބާތިލުކުރުން

މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކޮށްފައިވާ، ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސް، އަންނަނިވި ހާލަތްތަކުގައި ބާތިލުކުރެވޭނެއެވެ.

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ށަރުތު އުނިވުން.

(ށ) މި ގަވާއިދުގެ 9 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސް އައުކޮށްފައި ނުވުން.

(ނ) މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސް ހިފަހައްޓައިފައިވާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އެ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ނުވަތަ (2) ވަނަ ނަންބަރުގެ ދަށުން ލައިސަންސް ހިފެހެއްޓިއިރު، މިނިސްޓްރީން ފުރިހަމަކުރުމަށް އެންގި ކަންކަން ފުރިހަމަކޮށްފައި ނުވުން، ނުވަތަ އެ މާއްދަގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ލައިސަންސް ހިފެހެއްޓިއިރު، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި މި ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަންކަމުގައި މިނިސްޓްރީއަށް ފާހަގަކުރެވުނު ކަންކަން ރަނގަޅުކޮށްފައި ނުވުން.

 

15 ވަނަ މާއްދާ - ޑްރައިވިންގ ސްކޫލުން ހިންގާ ކޯސްތައް

(ހ) ޑްރައިވިންގ ސްކޫލުން ހިންގާ ކޯސްތަކާ ގުޅޭގޮތުން ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފަސޭހައިން ފެންނާނެ އިންތިޒާމެއް އެ ޑްރައިވިންގ ސްކޫލަކުން ހަމަޖައްސަންވާނެއެވެ.

  1. ޑްރައިވިންގ ސްކޫލުން ހިންގާ ކޯސްތަކާއި، ދުއްވަން ދަސްކޮށްދޭ އެއްގަމު އުޅަނދުގެ މައުލޫމާތު؛
  2. ދުއްވަން ދަސްކޮށްދިނުމަށް ނަގާ ފީ؛
  3. ކޯހުގައި މީހުން ބައިވެރިކުރެވޭނޭ އަދަދު؛
  4. ކޯހުގައި ކިޔަވައިދޭ ގަޑިތައް؛
  5. ކޯހުގައި ހޭދަވާނޭ މުއްދަތު.

(ށ) ޑްރައިވިންގ ސްކޫލަކުން ހިންގާ ކޯސްތަކުގައި ދުއްވަން ދަސްކުރާ ފަރާތަށް ދުއްވަން ދަސްކޮށްދޭންވާނީ، މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ބެލުމުގެ ދަށުންނެވެ.

 

16 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން

ޑްރައިވިންގ ސްކޫލަކުން ދޭ ހިދުމަތްތަކާ ގުޅޭގޮތުން އަންނަނިވި ކަންކަމުގެ ރިކޯޑު،މަދުވެގެން 3 (ތިނެއް) އަހަރުދުވަސް ވަންދެން، އެ ޑްރައިވިންގ ސްކޫލަކުން ރައްކައުކޮށް ބަލަހައްޓަންވާނެއެވެ.

(ހ) ޑްރައިވިންގ އިންސްޓްރަކްޓަރުން ހިމެނޭގޮތުން، ޑްރައިވިންގ ސްކޫލުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ މައުލޫމާތު ، ނުވަތަ ސްކޫލާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މަސައްކަތްކުރާ ފަރާތްތަކުގެ މައުލޫމާތު.

(ށ) ދަރިވަރުންގެ މައުލޫމާތު.

(ނ) ދަރިވަރުންގެ ހާޒިރީ.

(ރ) ދަރިވަރުންގެ ޓްރެއިނިންގ ލޮގު.

(ބ) ކޮންމެ ދަރިވަރެއްގެ އަތުން ނަގައިފައިވާ ފީ.

(ޅ) އުޅަނދުތަކުގެ ރަޖިސްޓަރީ.

(ކ) އުޅަނދުތަކުގެ އިންށުއަރަންސާ ގުޅޭ މައުލޫމާތު.

 

17 ވަނަ މާއްދާ - ޑްރައިވިންގ ސްކޫލް އިންސްޕެކްޓްކުރުން

(ހ) ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޑްރައިވިންގ ސްކޫލް ހިންގަމުންދާކަން ބެލުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑްރައިވިންގ ސްކޫލް ހިންގުމުގެ ކަންކަން މިނިސްޓްރީން ބަލައި ބެލުމުގައި، މި ގަވާއިދުގެ ދަށުން ސްކޫލުން ފުރިހަމަކުރަންޖެހޭ ކަމެއް ފުރިހަމަކޮށްފައި ނުވާކަމަށް ފާހަގަކުރެވިއްޖެނަމަ، އެ ކަމެއް ރަނގަޅު ކުރުމަށް ވަކި މުއްދަތެއް ދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ޑްރައިވިންގ ސްކޫލް ހިންގުމުގެ ކަންކަން މިނިސްޓްރީން ބަލައި ބެލުމުގައި، ޑްރައިވިންގ ސްކޫލް ހިންގުމާ ގުޅޭ ލިޔެކިޔުންތައް މިނިސްޓްރީއަށް ހުށަހެޅުމަށް އެންގުން އަދި/ނުވަތަ ސްކޫލުގެ އޮފީހަށް ނުވަތަ ދުއްވަން ދަސްކޮށްދޭ ސައިޓަށް ގޮސް ޑްރައިވިންގ ސްކޫލާއި ޑްރައިވިންގސްކޫލުގައި ބޭނުންކުރާ އުޅަނދުތަކުގެ އިންސްޕެކްށަން ހެދުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ލައިސަންސް ހިފެހެއްޓުމަށް ނިންމައިފައިވާ ނިންމުން މުރާޖައާ ކުރަން ބޭނުންވެއްޖެނަމަ، ލައިސަންސް ހިފެހެއްޓި ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސް ހިފެހެއްޓިފައިވާ ފަރާތުން މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުން ލިބޭތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓްރީން މައްސަލަ ބަލައި ނިންމަންވާނެއެވެ.

 

ތިންވަނަ ބާބު

ޑްރައިވިންގ އިންސްޓްރަކްޓަރުން

 

19 ވަނަ މާއްދާ - ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް

(ހ) ދިވެހިރާއްޖޭގައި ޑްރައިވިންގ އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަންވާނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މިނިސްޓްރީން ދޫކުރާ "ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް" ލިބުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ، އެ ކަމަށް ތައްޔާރުކޮށްފައިވާ ފޯމުން މިނިސްޓްރީއަށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމު މެދުވެރިކޮށް ޑްރަވިންގ އިންސްޓްރަކްޓަރ ލައިސަންސަށް އެދި ހުށަހެޅުމެއް ލިބުމުން، މި ގަވާއިދުގައިވާ ކަންކަން އެ ހުށަހެޅުމެއްގައި ފުރިހަމަވާނަމަ، ލަސްވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް މިނިސްޓްރީން ދޫކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ށަރުތު

މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް ދެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

(ހ) އުމުރުން 18) އަށާރަ) އަހަރާއި 60 (ފަސްދޮޅަސް) އަހަރާ ދެމެދުގެ ފަރާތަކަށް ވުން.

(ށ) ވޭތުވެދިޔަ 5) ފަހެއް) އަހަރުދުވަހުގެ ތެރޭގައި މަދަނީ ކުށެއް ނުވަތަ ޖިނާއީ ކުށެއް ކޮށްގެން ހުކުމެއް އިއްވައިފައިވާ މީހަކަށް ނުވުން.

(ނ) ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކާ ހިލާފުވެގެން ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ލައިސަންސް ހިފަހައްޓައިފައިވާ މީހެއް ކަމުގައި ނުވުން.

(ރ) ދުއްވަން ދަސްކޮށްދޭ ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބި، ދުއްވުމުގައި މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

(ބ) ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުންއެކަށީގެންވާ ގޮތެއްގައި ދުއްވަން ދަސްކޮށްދިނުމަށް ދަތިނުވުން.

(ޅ) ޑްރައިވިންގ އިންސްޓްރަކްޓަރުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައި ވުން.

 

21  ވަނަ މާއްދާ - ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސްގެ މުއްދަތު

(ހ) މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސްގެ މުއްދަތަކީ 3 (ތިނެއް) އަހަރުދުވަހެވެ.

(ށ) މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކޮށްފައިވާ ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސްގެ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން ލައިސަންސް އައުކުރަން ހުށަހަޅަންވާނެއެވެ. އަދި މުއްދަތު ހަމަވާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ފަހުން ހުށަހަޅާ ފަރާތްތަކުގެ ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް އައުކޮށްދެވޭނީ، މި ގަވާއިދުގެ 20 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ޓްރެއިނިންގ އަލުން ފުރިހަމަ ކުރުމުންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް އައުކުރެވޭނީ، މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.

 

22 ވަނަ މާއްދާ - ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް ފީ

މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް ދޫކުރެވޭނީ، ނުވަތަ މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ނ) ގެ ދަށުން ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް އައުކުރެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 250 (ދުއިސައްތަ ފަންސާސް) ދިވެހި ރުފިޔާދެއްކުމުންނެވެ.

 

23 ވަނަ މާއްދާ - ޑްރައިވިންގ އިންސްޓަރަކްޓަރުންގެ މަސްއޫލިއްޔަތާއި ޒިންމާ

ޑްރައިވިންގ އިންސްޓްރަކްޓަރުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ 
ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުން.

(ށ) އަމަލީ އިމްތިހާނު ހަދާ ސަރަހައްދުގައި ހަރަކާތްތެރިވާ އެގްޒަމިނަރުން ނުވަތަ ކަމާބެހޭ ފަރާތުގެ އޮފިށަލުންނާ ރިވެތިބަހުން މުއާމަލާތު ކުރުން.

(ނ) އަމަލީ އިމްތިހާނު ހަދާ ސަރަހައްދުގެ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރުން.

(ރ) އެއްގަމު އުޅަނދު ދުއްވަން ދަސްކުރާ ފަރާތްތައް، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކަށް އަހުލުވެރިކުރުން.

(ބ) އެއްގަމު އުޅަނދު ދުއްވަން ދަސްކުރާ ފަރާތްތަކުން އުޅަނދު ދުއްވަން ދަސްކުރުމުގެ ރިކޯޑާއި ޓްރެއިންގ ލޮގު ބެލެހެއްޓުން.

 

24 ވަނަ މާއްދާ - ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް ހިފެހެއްޓުން

މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކޮށްފައިވާ ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް، އަންނަނިވި ހާލަތްތަކުގައި ހިފެހެއްޓޭނެއެވެ.

(ހ) ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާ ހިލާފުވުމުގެ ސަބަބުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފަހައްޓައިފައިވުން ނުވަތަ ބާތިލުކޮށްފައިވުން.

(ށ) ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގަވާއިދުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކަށް ތަކުރާރުކޮށް އަމަލު ނުކުރުން.

(ނ) ޑްރައިވިންގ އިންސްޓްރަކްޓަރުގެ އަހުލާގީ ފެންވަރު ދަށްވުން.

(ރ) އަމަލީ އިމްތިހާނު ހަދާ ސަރަހައްދުގައި ހަރަކާތްތެރިވާ އެގްޒަމިނަރުން ނުވަތަ ކަމާބެހޭ ފަރާތުގެ އޮފިށަލުންގެ މަސައްކަތަށް ހުރަސްއަޅައި، ބޭއަދަބީ ބަހުން މުއާމަލާތު ކުރުން.

(ބ) އަމަލީ އިމްތިހާނު ހަދާ ސަރަހައްދުގައި އަމަލުކުރުމަށް ހަމަޖެހިފައިވާ ގަވާއިދާއި އުސޫލުތަކަށް އަމަލު ނުކުރުމާއި، އަމަލީ އިމްތިހާނު ހެދުމަށް ހުރަސްއެޅުން ނުވަތަ އެއްބާރުލުން ނުދިނުން.

 

25 ވަނަ މާއްދާ - ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް ބާތިލުކުރުން

މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކޮށްފައިވާ ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް، އަންނަނިވި ހާލަތްތަކުގައި ބާތިލުކުރެވޭނެއެވެ.

(ހ) މި ގަވާއިދުގެ 20 ވަނަ މާއްދާގައިވާ ށަރުތެއް އުނިވުން.

(ށ) މި ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް 2 (ދޭއް) ފަހަރު ހިފަހައްޓައިފައިވުމާއެކު، ލައިސަންސް ހިފެހެއްޓޭނެކަމަށް މި ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް 3 (ތިނެއް) ވަނަ ފަހަރަށް ކުރިމަތިވުން.

 

26 ވަނަ މާއްދާ - ޑްރައިވިންގ އިންސްޓްރަކްޓަރުން ތަމްރީނު ކުރުން

(ހ) މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ޑްރައިވިންގ އިންސްޓްރަކްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމެއް، ކޮންމެ ޑްރައިވިންގ އިންސްޓްރަކްޓަރަކު ފުރިހަމަކުރަންވާނެއެވެ.

(ށ) ޑްރައިވިންގ އިންސްޓްރަކްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމުގައި، މަދުވެގެން 6 (ހައެއް) ގަޑިއިރު ހޭދަކުރަންވާނެއެވެ.

(ނ) ޑްރައިވިންގ އިންސްޓްރަކްޓަރުން އިމްތިހާނު ކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމުގައި، ތިއަރީއާއި ޕްރެކްޓިކަލް ޓެސްޓެއް ހިމަނަންވާނެއެވެ.

 

27 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) މި ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން ލައިސަންސް ހިފެހެއްޓުމަށް ނިންމައިފައިވާ ނިންމުން މުރާޖައާ ކުރަން ބޭނުންވެއްޖެނަމަ، ލައިސަންސް ހިފެހެއްޓި ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް ހިފެހެއްޓިފައިވާ ފަރާތުން މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުން ލިބޭތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓްރީން މައްސަލަ ބަލައި ނިންމަންވާނެއެވެ.

 

ހަތަރުވަނަ ބާބު

ދުއްވަން ދަސްކޮށްދިނުމާއި ފީ ނެގުން

 

28 ވަނަ މާއްދާ - ދުއްވަން ދަސްކުރުން

ދިވެހިރާއްޖޭގައި އެއްގަމު އުޅަނދެއް ދުއްވަން ދަސްކުރަންވާނީ، މި ގަވާއިދުގެ ދަށުން ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސްލިބިފައިވާ ޑްރައިވިންގ ސްކޫލަކުން ނުވަތަ މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ޑްރައިވިންގ އި ންސްޓްރަކްޓަރެއްގެ ބެލުމުގެ ދަށުންނެވެ.

 

29 ވަނަ މާއްދާ - ދުއްވަން ދަސްކުރާއިރު އަމަލުކުރަންޖެހޭ މިންގަނޑުތައް

ހ) އެއްގަމު އުޅަނދު ދުއްވަން ދަސްކުރަންވާނީ، މީލާދީގޮތުން 16 (ސޯޅަ) އަހަރު ފުރިފައިވާ މީހުންނެވެ.

(ށ) އެއްގަމު އުޅަނދު ދުއްވަން ދަސްކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ނަމޫނާއާ އެއްގޮތަށް އުޅަނދުގެ ކުރިއާއި ފަހަތުގައި “L “ބޯޑު ހަރުކޮށްގެންނެވެ.

(ނ) ދުއްވަން ދަސްކުރާ އުޅަނދެއްގައި، ދުއްވަން ދަސްކުރާ މީހާއާއި ޑްރައިވިންގ އިންސްޓްރަކްޓަރ ފިޔަވައި އިތުރު މީހަކު އިނުމަކީ މަނާކަމެކެވެ.

(ރ) “L “ބޯޑުޖަހައިގެން ދުއްވަމުންދާ އުޅަނދުތަކަށް، މަގުގައި ދުއްވާ އެހެން އުޅަނދުތަކުން ތަން ދޭންވާނެއެވެ. އަދި އެފަދަ އުޅަނދަކަށް އުނދަގޫވާގޮތަށް ދުއްވުމަކީ މަނާކަމެކެވެ.

(ބ) އެއްގަމު އުޅަނދު ދުއްވަން ދަސްކުރަން މަގުމަތީގައި ދުއްވާ ދުންވުން ފިޔަވައި،ދަސްކުރުމަށް ޓަކައި އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދެއްގައި ޑްރައިވިންގ އިންސްޓްރަކުޓަރުގެ ހާޒިރުގައި “L “ބޯޑު ޖަހައިގެން ފަރިތަކުރުމުގެ ގޮތުން އެކަނި ދުއްވިދާނެއެވެ. އަދި މިގޮތަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކުގައި ވެސް “L “ބޯޑު ނުޖަހައި ދުއްވުމަކީ މަނާކަމެވެ. މިފަދަ ސަރަހައްދުތައް ކަނޑައަޅާނީ،މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ.

(ޅ) ދުއްވަން ދަސްކޮށްދޭ ވަގުތުގައި ޑްރައިވިންގ އިންސްޓްރަކްޓަރުން މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ނަމޫނާއާ އެއްގޮތަށް ވެސްޓެއް ލާންވާނެއެވެ. އަދި މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ދޫކޮށްފައިވާ ހުއްދަ ފެންނަން އޮންނަންވާނެއެވެ.

 

30 ވަނަ މާއްދާ - ފީ ނެގުން

އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދިނުމަށް ޑްރައިވިންގ ސްކޫލަކުން ނުވަތަ ޑްރައިވިންގ އިންސްޓްރަކްޓަރުންނަށް އެންމެ ގިނަވެގެން ފީ ނެގޭނީ ތިރީގައި ބަޔާންކޮށްފައިވާ އަދަދުތަކަށެވެ.

(ހ) A0, A1, B3, B4, C3, C4 ގިންތީގެ އުޅަނދު ދުއްވަން ދަސްކޮށްދިނުމުގެ ކޯހުގެ ފީގެ ގޮތުގައި ކޮންމެ ގިންތިއަކަށް ޖުމުލަ 500,1 (އެއްހާސް ފަސްސަތޭކަ) ދިވެހި ރުފިޔާ. 

(ށ) C1, C2, B1, B2 ގިންތީގެ އުޅަނދު ދުއްވަން ދަސްކޮށްދިނުމުގެ ކޯހުގެ ފީގެ ގޮތުގައި ކޮންމެ ގިންތިއަކަށް ޖުމުލަ  2،500 (ދެހާސް ފަސްސަތޭކަ) ދިވެހި ރުފިޔާ.

(ނ) E, D0, B0, C0, V1 ގިންތީގެ އުޅަނދު ދުއްވަން ދަސްކޮށްދިނުމުގެ ކޯހުގެ ފީގެ ގޮތުގައި ކޮންމެ ގިންތިއަކަށް ޖުމުލަ 000,3) ތިންހާސް) ދިވެހި ރުފިޔާ.

 

31 ވަނަ މާއްދާ - ދަސްކުރުމުގެ މުއްދަތު

އެއްގަމު އުޅަނދު ދުއްވަން ދަސްކުރުމުގެ ގޮތުން އުޅަނދު ދުއްވުމުގެ އަމަލީ ތަމްރީނުގައި،އެންމެ މަދުވެގެން، ތިރީގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަކުރަންވާނެއެވެ.

(ހ) A0 ނުވަތަ A1 ގިންތީގެ އުޅަނދެއް ނަމަ، 40 (ސާޅީސް) ގަޑިއިރު. 

(ށ) B1 ގިންތީގެ އުޅަނދެއް ނަމަ، 40 (ސާޅީސް) ގަޑިއިރު.

(ނ) B2 ގިންތީގެ އުޅަނދެއް ނަމަ، 30 (ތިރީސް) ގަޑިއިރު.

(ރ) B3 ގިންތީގެ އުޅަނދެއް ނަމަ، 30 (ތިރީސް) ގަޑިއިރު.

(ބ) B4 ގިންތީގެ އުޅަނދެއް ނަމަ، 30 (ތިރީސް) ގަޑިއިރު.

(ޅ) B0 ގިންތީގެ އުޅަނދެއް ނަމަ، 30 (ތިރީސް) ގަޑިއިރު.

(ކ) C1 ގިންތީގެ އުޅަނދެއް ނަމަ، 40 (ސާޅީސް) ގަޑިއިރު.

(އ) C2 ގިންތީގެ އުޅަނދެއް ނަމަ، 25 (ފަންސަވީސް) ގަޑިއިރު.

(ވ) C3 ގިންތީގެ އުޅަނދެއް ނަމަ، 25 (ފަންސަވީސް) ގަޑިއިރު.

(މ) C4 ގިންތީގެ އުޅަނދެއް ނަމަ، 25 (ފަންސަވީސް) ގަޑިއިރު.

(ފ) C0 ގިންތީގެ އުޅަނދެއް ނަމަ، 25 (ފަންސަވީސް) ގަޑިއިރު.

(ދ) D0 ގިންތީގެ އުޅަނދެއް ނަމަ، 25 (ފަންސަވީސް) ގަޑިއިރު.

(ތ) V1 ގިންތީގެ އުޅަނދެއް ނަމަ، 30 (ތިރީސް) ގަޑިއިރު.

 

32 ވަނަ މާއްދާ - ރިކޯޑާއި ޓްރެއިނިންގ ލޮގު ބެލެހެއްޓުން

(ހ) މި ގަވާއިދުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތަށް ދުއްވަން ދަސްކުރާ ފަރާތުން އުޅަނދު ދުއްވިކަމުގެ ރި ކޯޑާއި ޓްރެއިނިންގ ލޮގު، ޑްރައިވިންގ ސްކޫލުން ނުވަތަ ޑްރައިވިންގ އިންސްޓްރަކްޓަރ ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިކޯޑާއި ޓްރެއިނިންގ ލޮގުގައި،ޑްރައިވިންގ ސްކޫލުން ނުވަތަ ޑްރައިވިންގ އިންސްޓްރަކްޓަރ ސޮއިކޮށްފައި،އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސަށް އެދި ހުށަހަޅާއިރު، އެ ލޮގު ހުށަހަޅަންވާނެއެވެ.

 

ފަސްވަނަ ބާބު

ށަކުވާ ހުށަހެޅުމާއި ފިޔަވަޅުއެޅުން

 

33 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) ޑްރައިވިންގ ސްކޫލަކާ ގުޅޭގޮތުން ނުވަތަ ޑްރައިވިންގ އިންސްޓްރަކްޓަރަކާ ގުޅޭގޮތުން ށަކުވާއެއް ހުށަހަޅަން އެދޭ ފަރާތަކުން ށަކުވާ ހުށަހަޅަންވާނީ ލިޔުމުން 
މިނިސްޓްރީއަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުން ލިބޭތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީން މައްސަލަ ބަލައި ނިންމަންވާނެއެވެ.

 

34 ވަނަ މާއްދާ - ފިޔަވަޅު އެޅުން

މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ހުށަހެޅޭ ށަކުވާއަކާ ގުޅިގެން ނުވަތަ މިނިސްޓްރީގެ އަމިއްލަ އިސްނެގުމުގައި ބަލައި ބެލުމުގައި ޑްރައިވިންގ ސްކޫލަކުން ނުވަތަ ޑްރައިވިންގ އިންސްޓްރަކްޓަރަކު، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި މި ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ ކަމުގައި މިނިސްޓްރީއަށް ފާހަގަކުރެވިއްޖެނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ ފަރާތަކާމެދު އަންނަނިވި ފިޔަވަޅުތައް އެޅިދާނެއެވެ.

(ހ) ލައިސަންސް ހިފެހެއްޓުން.

(ށ) ލައިސަންސް ބާތިލުކުރުން.

(ނ) 750) ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުން.

 

ހަވަނަ ބާބު

އެހެނިހެން

 

35 ވަނަ މާއްދާ - ދަފުތަރު އާންމުކުރުން

މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ޑްރައިވިންގ ސްކޫލްތަކާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ދަފުތަރެއް މިނިސްޓްރީން އެކުލަވައިލައި، އެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކުގެ ލިސްޓެއް ގަވާއިދުން އާންމުކޮށް ށާއިއުކުރަމުން ގެންދަންވާނެއެވެ.

 

36 ވަނަ މާއްދާ - ގަވާއިދުގައި ނެތް ކަމެއް ދިމާވުން

މި ގަވާއިދުގައި ނެތް ކަމެއް ދިމާވެއްޖެނަމަ، އެކަމާމެދު ގޮތެއް ނިންމާނީ މިނިސްޓްރީންނެވެ.

 

37 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ލައިސަންސް ދީފައިވާ ޑްރައިވިންގ ސްކޫލުތަކާއި އިންސްޓްރަކްޓަރުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއު ކުރާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރަންވާނެއެވެ.

 

38 ވަނަ މާއްދާ - މާނަކުރުން 

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް އެ ވަގުތަކު ސަރުކާރުން ހަމަޖައްސައިފައިވާ ވުޒާރާއަށެވެ. 

(ށ) "މީހުން ދިރިއުޅޭ ތަންތަނާ ވަކިކޮށްފައިވާ ތަނެއް" ކަމަށް ބުނެފައި އެވަނީ، ތަނުގެ މައި ދޮރާށި ވަކިކޮށްފައިވާ އަދި މީހުން ދިރިއުޅޭ ތަނެއްގެ ބަޔަކަށް ނުވާ ތަންތަނަށެވެ.

(ނ) "ދުއްވަން ދަސްކުރުމާބެހޭ ތިއަރީ" ކަމަށް ބުނެފައި އެވަނީ، އެއްގަމު އުޅަނދާއި މަގުމަތީގެ ހަމަތަކާ ސަލާމަތާއި ރައްކައުތެރިކަމާ ގުޅޭ މައުލޫމާތަށެވެ. 

(ރ) "ޓްރެއިންގ ލޮގު" ކަމަށް ބުނެފައި އެވަނީ، އެއްގަމު އުޅަނދު ދުއްވަން ދަސްކުރުމަށް ޓަކައި ހޭދަކޮށްފައިވާ ވަގުތާއި ތާރީހު އަންގައިދޭ ށީޓަށެވެ.

(ބ) "ތިއަރީ ޓެސްޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައިވާ ކަންކަމާއި، މަގުމަތީގެ އަދަބުތައް އެނގިފައިވާ މިންވަރު ބެލުމަށް ދޭ އިމްތިހާނަށެވެ.

(ޅ) "ޕްރެކްޓިކަލް ޓެސްޓް" ކަމަށް ބުނެފައި އެވަނީ، އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަން ފަރިތަވެފައިވާ މިންވަރު ބެލުމަށް ދޭ އަމަލީ އިމްތިހާނަށެވެ.

(ކ) "ޑްރައިވިންގ ސްކޫލް" ކަމަށް ބުނެފައި އެވަނީ، އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދިނުމުގެ ކޯސްތައް ހިންގުމަށް މިނިސްޓްރީން "ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސް" ދޫކޮށްފައިވާ ފަރާތްތަކަށެވެ.

(އ) "ޑްރައިވިންގ އިންސްޓްރަކްޓަރ" ކަމަށް ބުނެފައި އެވަނީ، އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދޭ މީހާއަށެވެ.

 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޑްރައިވިންގ ސްކޫލް ހިންގުމާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-11)

 

މައި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 05/2009)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު