-

ޓެކްސީ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-132)

(މި ގަވާއިދަށް އަމަލުކުރަން ފަށާނީ/ފެށީ 23 ފެބްރުއަރީ 2023) ގައި)

(މި ގަވާއިދުގެ 43 ވަނަ މާއްދާގެ (ހ) އިން ވަނީ ގަވާއިދު ނަންބަރު 2013-1475 އާއި، ގަވާއިދު ނަންބަރު 2015-93 އުނިކުރެވިފައި)


އެއްވަނަ ބާބު

ތައާރުފު

 

1 ވަނަ މާއްދާ - ތައާރުފު

މިއީ، ދިވެހިރާއްޖޭގައި ޓެކްސީގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރުމާއި، ޓެކްސީ ހިދުމަތް ދިނުމުގެ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރުމާއި، ޓެކްސީގައި ކުރާދަތުރުތަކަކީ މަގުމަތި ބޭނުންކުރާ އެންމެންނަށް ވެސް ރައްކައުތެރި އަމާން ދަތުރުތަކަކަށް ހެދުމާއި، ޓެކްސީގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ޓެކްސީގެ ހިދުމަތް ލިބިގަންނަ ފަރާތާއި ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާއާއި ވާޖިބުތައް ކަނޑައެޅުމާއި، އާންމު ފަރާތްތަކުން ޓެކްސީގެ ހިދުމަތް ދިނުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހެދުމުގެ ބާރު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 48 ވަނަ މާއްދާގެ (ހ) އާއި (ނ) ގެ ދަށުން ބާރު ލިބިގެން، އެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

3 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔާނީ، "ޓެކްސީ ގަވާއިދު" އެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މިނިސްޓްރީންނެވެ.

 

5 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ޓެކްސީ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުމާއި ލައިސަންސް އައުކުރުމުގެއުސޫލާއި މިންގަނޑު ކަނޑައެޅުން.

(ށ) ޓެކްސީގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދު ރަޖިސްޓަރީ ކުރުމުގެ އުސޫލާއި މިންގަނޑު ބަޔާންކުރުން؛

(ނ) ޓެކްސީ ހިދުމަތްދޭ ޑްރައިވަރުން ރަޖިސްޓަރީ ކުރުމުގެ އުސޫލާއި މިންގަނޑު ބަޔާންކުރުން.

(ރ) ޓެކްސީ ހިދުމަތް ދިނުމުގެ މިންގަނޑާއި އުސޫލުތައް ބަޔާންކުރުން؛

(ބ) ޓެކްސީގެ ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތަކާ ހިލާފުވުމުގެ ސަބަބުން ޖޫރިމަނާކުރެވޭނެ ގޮތް ކަނޑައެޅުން.

 

ދެވަނަ ބާބު

ޓެކްސީ ސެންޓަރ ހިންގުން

 

6 ވަނަ މާއްދާ - ޓެކްސީ ސެންޓަރު ހިންގުން

(ހ) ދިވެހިރާއްޖޭގައި ޓެކްސީ ސެންޓަރު ހިންގަންވާނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މިނިސްޓްރީން ދޫކުރާ "ޓެކްސީ ސެންޓަރ ލައިސަންސް" ލިބުމަށް ފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޓެކްސީ ސެންޓަރ ލައިސަންސް ހޯދަންވާނީ، އެކަމަށް ތައްޔާރުކޮށްފައިވާ ފޯމު މިނިސްޓްރީއަށް ހުށަހަޅައިގެންނެވެ.

(ނ) ޓެކްސީ ސެންޓަރ ލައިސަންސް ހޯދުމަށް އެދި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލައިސަންސް ފޯމު މިނިސްޓްރީއަށް ހުށަހެޅުމަށްފަހު، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ށަރުތުތައް އެ ހުށަހެޅުމުގައި ފުރިހަމަވާނަމަ، ގިނަވެގެން ރަސްމީ 12 (ސާދަ) ދުވަހުގެ ތެރޭގައި ޓެކްސީ ސެންޓަރ ލައިސަންސް މިނިސްޓްރީން ދޫކުރަންވާނެއެވެ. އަދި، ލައިސަންސް ހޯދުމަށް ހުށަހަޅާ ހުށަހެޅުމެއްގައި، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަނުވާކަމަށް ބަލައި މިނިސްޓްރީން ލައިސަންސް އައުކޮށްނުދޭނަމަ، ލިޔުމުން ސަބަބު ބަޔާންކޮށް،ރަސްމީ 12 (ސާދަ) ދުވަހުގެ ތެރޭގައި، ލައިސަންސް ހޯދުމަށް އެދި ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.

 

7 ވަނަ މާއްދާ - ޓެކްސީ ސެންޓަރުގެ ށަރުތުތައް

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކްސީ ސެންޓަރ ލައިސަންސް ދޫކުރެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމާ ފަރާތްތަކަށެވެ.

  1. ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ވުން، ނުވަތަ ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރށިޕަކަށް ވުން، ނުވަތަ ގާނޫނު ނަންބަރު 2014-19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކަށް ވުން.
  2. ޓެކްސީ ސެންޓަރ ހިންގުމަށް އޮފީހެއް ހުރުން.
  3. ގްރޭޓަރ މާލެ ސަރަހައްދުގައި ރަޖިސްޓަރީ ކޮށްފައިވާ ސެންޓަރެއް ނަމަ، ޓެކްސީ ސެންޓަރުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ޓެކްސީ ކުރުމަށް ބޭނުންކުރެވޭނެ 100 (އެއްސަތޭކަ) އުޅަނދު އޮތުން؛
  4. ޓެކްސީ ސެންޓަރުގައި ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ލިސްޓުކޮށްފައިވާ ޓެކްސީ ކުރުމަށް ބޭނުންކުރެވޭ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މަދުވެގެން 100 (އެއްސަތޭކަ) ޑްރައިވަރުން ތިބުން.

(ށ) މި މާއްދާގެ (ހ) ގެ 3 ގައި ބަޔާންކޮށްފައިވާ ށަރުތު ނުވަތަ 4 ގައި ބަޔާންކޮށްފައިވާ ށަރުތު ޓެކްސީ ސެންޓަރަކުން އުނިވެއްޖެނަމަ، އެ ށަރުތު ފުރިހަމަ ކުރުމަށް އެ ޓެކްސީ ސެންޓަރަކަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

 

8 ވަނަ މާއްދާ - ޓެކްސީ ސެންޓަރ ލައިސަންސަށް އެދި ހުށަހަޅަންޖެހޭ ތަކެތި

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ފޯމާއެކު، އަންނަނިވި މައުލޫމާތާއި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ކުންފުނި ނުވަތަ ޕާޓްނަރށިޕް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ؛
  2. ޓެކްސީ ސެންޓަރު ހިންގާ ތަނާއި، ޓެކްސީ ސެންޓަރު ހިންގާ ފަރާތުގެ މައުލޫމާތު؛
  3. ޓެކްސީ ސެންޓަރުގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީ ނުވަތަ ތިންވަނަ ފަރާތެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީއާއި، ޓެކްސީ ސެންޓަރުގައި އުޅަނދު ލިސްޓު ކުރުމަށްޓަކައި އެ ފަރާތާއި ޓެކްސީ ސެންޓަރާ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ކޮޕީ؛
  4. ޓެކްސީ ސެންޓަރުގައި ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ލިސްޓުކޮށްފައިވާ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ލައިސަންސްގެ ކޮޕީ؛
  5. ޓެކްސީ ސެންޓަރުން ހިދުމަތް ދިނުމަށް ކަނޑައަޅައިފައިވާ ޓެކްސީތަކުގެ އަދަދާއި އުޅަނދުގެ ރަޖިސްޓްރޭށަނާބެހޭ މައުލޫމާތު؛
  6. ފޯމުގައި ހުށަހެޅުމަށް ކަނޑައަޅައިފައިވާ އެހެނިހެން ލިޔެކިޔުންތައް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޓެކްސީ ސެންޓަރުގެ ލައިސަންސް ދޫކުރެވޭނީ،ހިދުމަތުގެ އަގުގެ ގޮތުގައި 500 (ފަސްސަތޭކެ) ރުފިޔާ ދެއްކުމުންނެވެ.

 

9 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތު

މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކޮށްފައިވާ ޓެކްސީ ސެންޓަރ ލައިސަންސްގެ މުއްދަތަކީ ފަހެއް (5) އަހަރުދުވަހެވެ.

 

10 ވަނަ މާއްދާ - ލައިސަންސް އައުކުރުން

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކޮށްފައިވާ ޓެކްސީ ސެންޓަރ ލައިސަންސްގެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން ލައިސަންސް އައުކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. ޓެކްސީ ސެންޓަރ ލައިސަންސް އައުކުރުމަށް އެދި ހުށަހަޅަންވާނީ އެކަމަށް ތައްޔާރުކޮށްފައިވާ ފޯމުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލައިސަންސް އައުކުރުމަށް ހުށަ ހެޅުމުން، މިނިސްޓްރީން ލައިސަންސް އައުކޮށްދޭނީ، މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ށަރުތުތައް އެ ސެންޓަރެއްގައި ހަމަވާކަން ކަށަވަރުކުރުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ޓެކްސީ ސެންޓަރުގެ ލައިސަންސް އައުކޮށްދެވޭނީ ހިދުމަތުގެ އަގުގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ ދެއްކުމުންނެވެ.

(ރ) ޓެކްސީ ސެންޓަރ ލައިސަންސް އައުކުރުމަށް އެދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސް އައުކުރުމަށް ހުށަހަޅާ ފޯމު މިނިސްޓްރީއަށް ހުށަހެޅުމަށްފަހު، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ކަނޑައަ ޅައިފައިވާ ށަރުތުތައް އެ ހުށަހެޅުމުގައި ފުރިހަމަވާނަމަ، ގިނަވެގެން، ރަސްމީ 12 (ސާދަ) ދުވަހުގެ ތެރޭގައި މިނިސްޓްރީން ލައިސަންސް އައުކޮށްދޭންވާނެއެވެ. އަދި، ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަނުވާކަމަށް ބަލައި މިނިސްޓްރީން ލައިސަންސް އައުކޮށް ނުދޭނަމަ،
ލިޔުމުން ސަބަބު ބަޔާންކޮށް އެކަން ރަސްމީ 12 (ސާދަ) ދުވަހުގެ ތެރޭގައި ޓެކްސީ ލައިސަންސް އައުކުރުމަށް އެދި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

 

11 ވަނަ މާއްދާ - ޓެކްސީ ސެންޓަރުން ހިދުމަތް ދިނުން

(ހ) ޓެކްސީ ސެންޓަރުތަކުން ޓެކްސީ ހިދުމަތް ދޭންވާނީ، މި ގަވާއިދުގެ ދަށުން ޓެކްސީ ލައިސަންސް ލިބިފައިވާ އުޅަނދުތަކާއި ޓެކްސީ ޑްރައިވަރ ލައިސަންސް ލިބިފައިވާ ޑްރައިވަރުން މެދުވެރިކޮށެވެ.

(ށ) ޓެކްސީ ސެންޓަރުގައި ހިދުމަތް ދިނުމަށް ޓެކްސީ ލައިސަންސް ލިބިފައިވާ ޑްރައިވަރުންގެ ލިސްޓެއް، ކޮންމެ މަހެއް ނިމުމުގެ ކުރިން، އެ ސެންޓަރަކުން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ނ) ޓެކްސީ ސެންޓަރުގައި ލިސްޓުކޮށްފައިވާ ޓެކްސީ ލައިސަންސް ލިބިފައިވާ އުޅަނދުތަކާއި ޓެކްސީ ޑްރައިވަރ ލައިސަންސް ލިބިފައިވާ ޑްރައިވަރުންގެ ދަފުތަރެއް، ކޮންމެ ސެންޓަރަކުން ވެސް އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.

(ރ) ޓެކްސީ ސެންޓަރުން ހިދުމަތްދޭ އުޅަނދުތަކުގައި އަންނަނިވި ށަރުތުތައް ފުރިހަކުރަންވާނެއެވެ.

  1. "B1“ ކެޓަގެރީގެ އުޅަނދެއްނަމަ، އުޅަނދުގެ ދެ އަރިމަތީގައި ބޭރަށް ފެންނާނޭހެން ނުވަތަ “A “ކެޓަގެރީގެ އުޅަނދެއްނަމަ އުޅަނދުގައި ފަސޭހައިން ފެންނާނޭހެން، ހިދުމަތްދޭ ޓެކްސީ ސެންޓަރުގެ ނަމާއި ފޯނު ނަންބަރު ލިޔެފައި ހުރުން؛
  2. ޓެކްސީ ލައިސަން ސާއި ޓެކްސީ ޑްރައިވަރ ލައިސަންސްގެ ކޮޕީއެއް އޮތުން؛
  3. އަހަރީ ފީ ދައްކައިފައިވުން؛
  4. ރޯޑްވަރދިނަސް ހަދައިފައިވުން؛
  5. ތަރޑް ޕާޓީ އިންށުއަރެންސް ލިބިފައިވުން.

(ބ) ޓެކްސީ ސެންޓަރުތަކުން، ކޮންމެ ދުވަހަކު 24 (ސައުވީސް) ގަޑިއިރު ޓެކްސީގެ ހިދުމަތް ދޭންވާނެއެވެ. އަދި ޓެކްސީ ސެންޓަރުން އެކުލަވައިލާ ތާވަލެއްގެ ދަށުން ސެންޓަރުގައި ލިސްޓުކޮށްފައިވާ އުޅަނދުތަކުން ޑްރައިވަރުން ޑިއުޓީ އަދާކުރަންވާނެއެވެ.

(ޅ) ޓެކްސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ އުޅަނދަކުން، ޓެކްސީ ސެންޓަރެއްގެ ބެލުމުގެ ދަށުން، ކޮންމެ 24 (ސައުވީސް) ގަޑިއިރަކު މަދުވެގެން 7 (ހަތެއް) ގަޑިއިރު، ހަފުތާއަކު މަދުވެގެން 42 (ސާޅީސް ދޭއް) ގަޑިއިރު ހިދުމަތް ދޭންވާނެއެވެ.

(ކ) ޓެކްސީ ސެންޓަރުގައި ރަޖިސްޓަރީ ކޮށްފައިވާ އެންމެހައި އުޅަނދުތަކަށް ދަތުރުތައް ބަހަންވާނީ ހަމަހަމަކޮށެވެ.

(އ) ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ސެންޓަރުތައް ހިންގާ ފަރާތްތަކާއި، އެ ތަންތަނުގެ މުވައްޒަފުން، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެގޮތުން މިނިސްޓްރީން ނުވަތަ ފުލުހުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގައި ސެންޓަރުތަކުން ބައިވެރިކުރުވަންވާނެއެވެ.

(ވ) ޓެކްސީ ސެންޓަރުތަކާއި، އެ ސެންޓަރުތަކުން ހިދުމަތް ދިނުމަށް ބޭނުންކުރާ ޑިޖިޓަލް ޕްލެޓްފޯމުތަކުގައި، އެ ފަރާތަށް ދޫކޮށްފައިވާ ޓެކްސީ ސެންޓަރުގެ ލައިސަންސްގެ ކޮޕީއެއް، ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން ފެންނާނޭގޮތަކަށް ބަހައްޓަންވާނެއެވެ.

(މ) ކޮމިއުނިކޭށަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ހުއްދަކުރާ، ކަމާބެހޭ މުއާސަލާތީ ނިޒާމެއް، ޓެކްސީ ސެންޓަރާއި ޓެކްސީ ހިދުމަތްދޭ އުޅަނދާ ދެމެދުގައި މުއާސަލާތު ކުރެވޭގޮތަށް ގާއިމުކޮށްފައި ހުންނަންވާނެއެވެ. އަދި މި ފަދަ މުއާސަލާތީ ނިޒާމެއްގެ ބޭނުން ހިފުމުގައި، ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ނުވާނެއެވެ.

(ފ) ޓެކްސީ ސެންޓަރުތަކުން އެ ސެންޓަރެއްގައި ރަޖިސްޓަރީކޮށްގެން ހިދުމަތްދޭ އުޅަނދުތައް ހިދުމަތް ދެމުން ގެންދަނީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައި ފައިވާ ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމަށް، މަދުވެގެން، ކޮންމެމަހަކު އެއްފަހަރު އެ ސެންޓަރުން ހިދުމަތް ދޭ އުޅަނދުތައް ޗެކުކުރަންވާނެއެވެ. އަދި، ޓެކްސީ ޑްރައިވަރުން އެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބަލައި މޮނިޓަރކުރަމުން ގެންދަންވާނެއެވެ.

(ދ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަނުވާ އުޅަނދުން ޓެކްސީ ހިދުމަތް ދިނުން، ޓެކްސީ ސެންޓަރުން މެދުކަނޑައިލަންވާނެއެވެ. އަދި އެ އުޅަނދުގެ މައުލޫމާތު، ލަސްނުކޮށް، ޓެކްސީ ސެންޓަރުން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ތ) ޓެކްސީ ސެންޓަރުން ހިދުމަތް ދޭ އުޅަނދުތަކުގެ ސާފުތާހިރުކަން އެކަށީގެންވާ މިންގަނޑެއްގައި ހުރިތޯ ޓެކްސީ ސެންޓަރުން ގަވާއިދުން ބަލަންވާނެއެވެ.

(ލ) ޓެކްސީ ހިދުމަތް ދިނުމަށް އެއްވެސް ކަހަލަ ބުރުލެއް އަރައިފިނަމަ ، ނުވަތަ ހިދުމަތް ހުއްޓުމަކަށް އަތުވެއްޖެނަމަ، އެންމެ ލަސްވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ.

(ގ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކުރުމަށް ހުރަސްއެޅޭގޮތަށް ޓެކްސީ ސެންޓަރުތަކުން އަމަލުކޮށްގެން ނުވާނެއެވެ. މިފަދަ ކުށެއް ކުރާ ފަރާތެއްގެ އަދަބަކީ، ފުރަތަމަ ފަހަރު ނަމަ، 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމެވެ. ދެވަނަ ފަހަރު ނަމަ، 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. ތިންވަނަ ފަހަރު ނަމަ 1،000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި އިތުރަށް އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ، ކުށުގެ ބާވަތަށް ބަލައި، އެ ފަރާތެއްގެ ޓެކްސީ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - ހިދުމަތްތަކުގެ ރިކޯޑު ބެލެހެއްޓުން

(ހ) ޓެކްސީ ސެންޓަރުން ދޭ ހިދުމަތްތަކާ ގުޅޭ އަންނަނިވި ކަންކަމުގެ މައުލޫމާތު އެ ސެންޓަރަކުން ބަލަހައްޓަންވާނެއެވެ.

  1. ސެންޓަރުން ހިދުމަތްދޭ ޓެކްސީގެ އަދަދު؛
  2. ސެންޓަރުން ހިދުމަތްދޭ ޓެކްސީ ޑްރައިވަރުންގެ އަދަދު؛
  3. ސެންޓަރުން ހިދުމަތް ދިނުމަށް ކަނޑައަޅައިފައިވާ ޓެކްސީތަކުގެ ތެރެއިން އެއްވެސް ސަބަބަކާހުރެ ހިދުމަތް މެދުކެނޑިފައިވާ ޓެކްސީގެ އަދަދު؛
  4. ސެންޓަރުން ހިދުމަތް ދިނުމަށް ކަނޑައަޅައިފައިވާ ޑްރައިވަރުންގެ ތެރެއިން އެއްވެސް ސަބަބަކާހުރެ ހިދުމަތް ދިނުމަށް ނުނެރޭ ނުވަތަ ނުނިކުންނަ ޑްރައިވަރުންގެ އަދަދު؛
  5. ސެންޓަރުގެ ހިދުމަތަށް އެދި ދުވާލަކު އެދޭ އަދަދާއި، ހިދުމަތް ދެވޭ އަދަދު؛
  6. ސެންޓަރުން ދުވާލަކު ކުރާ ދަތުރުގެ އަދަދާއި، ހިދުމަތުގައި ހޭދަކުރި ވަގުތު؛
  7. ސެންޓަރުގައި ލިސްޓުކޮށްފައިވާ އުޅަނދުތަކާއި ސެންޓަރާ ދެމެދު ވެވޭ އެއްބަސްވުންތަކުގެ ކޮޕީ؛
  8. ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރިކޯޑު؛
  9. ޓެކްސީ ދަތުރެއްގައި ނުވަތަ ޓެކްސީ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ވަގުތެއްގައި ޑޭށް ކެމެރާއިން ކޮށްފައިވާ ރިކޯޑިންގތައް؛

(ށ) ކޮންމެ އަހަރެއްގެ ޖަނަވަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި، ވޭތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ މުއްދަތުގެ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމެނޭ ރިޕޯޓެއް، ޓެކްސީ ސެންޓަރ ލައިސަންސް ލިބިފައިވާ ސެންޓަރުތަކުން އެކުލަވައިލައި މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު މިނިސްޓްރީން ބަލަން ބޭނުންވެއްޖެނަމަ، މިނިސްޓްރީން އެ މައުލޫމާތު ފޮނުވުމަށް އަންގާތާ ގިނަވެގެން ހަތެއް (7) ދުވަހުގެ ތެރޭގައި އެ ސެންޓަރަކުން އެ މައުލޫމާތު މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

 

13 ވަނަ މާއްދާ - މަނާ ކަންކަން

މި ބާބުގައިވާ މާއްދާތަކާ ހިލާފަށް ޓެކްސީ ސެންޓަރުގެ ހިދުމަތް ދިނުމަކީ މަނާކަމެކެވެ.

 

ތިންވަނަ ބާބު

ޓެކްސީކުރާ އުޅަނދު ރަޖިސްޓުރީކުރުން

 

14 ވަނަ މާއްދާ - ޓެކްސީކުރަން ބޭނުންކުރެވޭ އުޅަނދުތައް

މި ގަވާއިދުގެ ދަށުން ޓެކްސީގެ ހިދުމަތް ދިނުމަށް ބޭނުންކުރަންވާނީ، މި ބާބުގެ ދަށުން ލައިސަންސް ލިބިފައިވާ “A “ކެޓަގެރީ ނުވަތަ “B1 “ކެޓަގެރީގެ އުޅަނދުތަކެވެ.

 

15 ވަނަ މާއްދާ - ކާރު ޓެކްސީ ލައިސަންސް

(ހ) ޓެކްސީ ހިދުމަތް ދިނުމަށް “B1 “ކެޓަގެރީގެ އުޅަނދެއް ބޭނުންކުރަންވާނީ،މި ގަވާއިދުގެ ދަށުން "ކާރު ޓެކްސީ ލައިސަންސް" ލިބުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކާރު ޓެކްސީ ލައިސަންސް ހޯދަންވާނީ،އެކަމަށް ތައްޔާރުކޮށްފައިވާ ފޯމު މިނިސްޓްރީއަށް ހުށަހަޅައިގެންނެވެ.

(ނ) ކާރު ޓެކްސީ ލައިސަންސް ހޯދުމަށް އެދި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލައިސަންސް ފޯމު މިނިސްޓްރީއަށް ހުށަހެޅުމަށްފަހު، އަންނަނިވި ށަރުތުތައް އެ ހުށަހެޅުމުގައި ފުރިހަމަވާނަމަ، ގިނަވެގެން ރަސްމީ 12 (ސާދަ) ދުވަހުގެ ތެރޭގައި ކާރު ޓެކްސީ ލައިސަންސް މިނިސްޓްރީން ދޫކުރަންވާނެއެވެ. އަދި، ކާރު ޓެކްސީ ލައިސަންސް ހޯދުމަށް ހުށަހަޅާ ހުށަހެޅުމެއްގައި އަންނަނިވި ށަރުތުތައް ފުރިހަމަނުވާކަމަށް ބަލައި މިނިސްޓްރީން ލައިސަންސް އައުކޮށްނުދޭނަމަ، ލިޔުމުން ސަބަބު ބަޔާންކޮށް،ރަސްމީ 12 (ސާދަ) ދުވަހުގެ ތެރޭގައި ކާރު ޓެކްސީ ލައިސަންސް ހޯދުމަށް އެދި ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.

  1. ކާރު ޓެކްސީ ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަކީ އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ “B1 “ކެޓަރީގެ އުޅަނދަކަށް ވުން؛
  2. ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދުގެ އަހަރީ ފީ ދައްކައިފައިވުން؛
  3. ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަކީ ރޯޑްވަރދިނަސްގެ މިންގަނޑަށް ފެތޭ އުޅަނދަކަށްވުން؛
  4. ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަކީ ތާރޑް ޕާޓީ އިންށުއަރެންސް ލިބިފައިވާ އުޅަނދަކަށް ވުން.
  5. ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަކީ މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ލައިސަންސް ލިބިފައިވާ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދެއް ކަމުގައި ވުން.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމާއެކު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދުގެ ރަޖިސްޓްރޭށަން ސެޓުފިކެޓު؛
  2. ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދުގެ އަހަރީ ފީ ދައްކައިފައިވާ ކަމުގެ ލިޔުން؛
  3. ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދުގެ ރޯޑްވަރދިނަސް ފުރިހަމަވެފައިވާކަން އަންގައިދޭ ލިޔުން؛
  4. ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަށް ތާރޑް ޕާޓީ އިންށުއަރެންސް ލިބިފައިވާކަން އަންގައިދޭ ލިޔުން؛
  5. ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދެއްކަން އަންގައިދޭ ލިޔުން؛
  6. ފޯމުގައި ހުށަހެޅުމަށް ކަނޑައަޅައިފައިވާ އެހެނިހެން ލިޔެކިޔުންތައް.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ކާރު ޓެކްސީ ލައިސަންސް ދޫކުރެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި ސްޓިކަރއަށް 250 (ދުއިސައްތަ ފަންސާސް) ރުފިޔާ ދެއްކުމުންނެވެ.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން ކާރު ޓެކްސީ ލައިސަންސް އައުކޮށްދެވޭނީ،ހިދުމަތުގެ އަގުގެ ގޮތުގައި ސްޓިކަރއަށް 250 (ދުއިސައްތަ ފަންސާސް)ރުފިޔާ ދެއްކުމުންނެވެ.

(ކ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ކާރު ޓެކްސީ ލައިސަންސްގެ މުއްދަތަކީ، ފަހެއް (5) އަހަރުދުވަހެވެ.

(އ) މި މާއްދާގެ (ޅ) ގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަސް ކުރިން ކާރު ޓެކްސީ ލައިސަންސް އައުކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ވ) މި މާއްދާގެ (ކ) ގެ ދަށުން ކާރު ޓެކްސީ ލައިސަންސް އައުކުރުމަށް، މި މާއްދާގެ (ނ) ގައިވާ ށަރުތުތައް އެ ހުށަހެޅުމެއްގައި ފުރިހަމަވާކަން ކަށަވަރުކުރުމަށްފަހު، ގިނަވެގެން 12 (ސާދަ) ދުވަހުގެ ތެރޭގައި ކާރު ޓެކްސީ ލައިސަންސް މިނިސްޓްރީން އައުކޮށްދޭންވާނެއެވެ. އަދި، ކާރު ޓެކްސީ ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަނުވާކަމަށް ބަލައި މިނިސްޓްރީން ލައިސަންސް އައުކޮށްނުދޭނަމަ، ލިޔުމުން ސަބަބު ބަޔާންކޮށް، ރަސްމީ 12 (ސާދަ) ދުވަހުގެ ތެރޭގައި، ޓެކްސީ ލައިސަންސް އައުކުރުމަށް އެދި ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.

 

16 ވަނަ މާއްދާ - ސައިކަލް ޓެކްސީ ލައިސަންސް

(ހ) ޓެކްސީގެ ހިދުމަތް ދިނުމަށް “A “ކެޓަގެރީގެ އުޅަނދެއް ބޭނުންކުރަންވާނީ،މި ގަވާއިދުގެ ދަށުން "ސައިކަލް ޓެކްސީ ލައިސަންސް" ލިބުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސައިކަލް ޓެކްސީ ލައިސަންސް ހޯދަންވާނީ، އެކަމަށް ތައްޔާރުކޮށްފައިވާ ފޯމު މިނިސްޓްރީއަށް ހުށަހަޅައިގެންނެވެ.

(ނ) ސައިކަލް ޓެކްސީ ލައިސަންސް ހޯދުމަށް އެދި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލައިސަންސް ފޯމު މިނިސްޓްރީއަށް ހުށަހެޅުމަށްފަހު، އަންނަނިވި ށަރުތުތައް އެ ހުށަހެޅުމުގައި ފުރިހަމަވާނަމަ، ގިނަވެގެން ރަސްމީ 12 (ސާދަ) ދުވަހުގެ ތެރޭގައި ސައިކަލް ޓެކްސީ ލައިސަންސް މިނިސްޓްރީން ދޫކުރަންވާނެއެވެ. އަދި، ސައިކަލް ޓެކްސީ ލައިސަންސް ހޯދުމަށް ހުށަހަޅާ ހުށަހެޅުމެއްގައި އަންނަނިވި ށަރުތުތައް ފުރިހަމަނުވާކަމަށް ބަލައި މިނިސްޓްރީން ލައިސަންސް ދޫނުކުރާނަމަ، ލިޔުމުން ސަބަބު ބަޔާންކޮށް ރަސްމީ 12 (ސާދަ) ދުވަހުގެ ތެރޭގައި، ސައިކަލް ޓެކްސީ ލައިސަންސް ހޯދުމަށް އެދި ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.

  1. ސައިކަލް ޓެކްސީ ލައިސަންސް ދިނުމަށް އެދޭ އުޅަނދަކީ އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ “A0 “ނުވަތަ “A1 “ކެޓަރީގެ އުޅަނދަކަށް ވުން؛
  2. ލައިސަންސް ދިނުމަށް އެދޭ އުޅަނދުގެ އަހަރީ ފީ ދައްކައިފައި ވުން؛
  3. ލައިސަންސް ދިނުމަށް އެދޭ އުޅަނދަކީ، ރޯޑްވަރދިނަސްގެ މިންގަނޑަށް ފެތޭ އުޅަނދަކަށް ވުން؛
  4. ލައިސަންސް ދިނުމަށް އެދޭ އުޅަނދަކީ، ތާރޑް ޕާޓީ އިންށުއަރެންސް ލިބިފައިވާ އުޅަނދަކަށް ވުން؛
  5. ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަކީ، މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ލައިސަންސް ލިބިފައިވާ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދެއް ކަމުގައި ވުން.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމާއެކު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދުގެ ރަޖިސްޓްރޭށަން ސެޓުފިކެޓު؛
  2. ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދުގެ އަހަރީ ފީ ދައްކައިފައިވާ ކަމުގެ ލިޔުން؛
  3. ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދުގެ ރޯޑްވަރދިނަސް ފުރިހަމަވެފައިވާކަން އަންގައިދޭ ލިޔުން؛
  4. ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަށް ތާރޑް ޕާޓީ އިންށުއަރެންސް ލިބިފައިވާކަން އަންގައިދޭ ލިޔުން؛
  5. ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދެއްކަން އަންގައިދޭ ލިޔުން؛
  6. ފޯމުގައި ހުށަހެޅުމަށް ކަނޑައަޅައިފައިވާ އެހެނިހެން ލިޔެކިޔުންތައް.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ސައިކަލް ޓެކްސީ ލައިސަންސް ދޫކުރެވޭނީ،ހިދުމަތުގެ އަގުގެ ގޮތުގައި ސްޓިކަރއަށް 250 (ދުއިސައްތަ ފަންސާސް)ރުފިޔާ ދެއްކުމުންނެވެ.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން ސައިކަލް ޓެކްސީ އައުކޮށްދެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި ސްޓިކަރއަށް 250 (ދުއިސައްތަ ފަންސާސް) ރުފިޔާ ދެއްކުމުންނެވެ.

(ކ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ސައިކަލް ޓެކްސީ ލައިސަންސްގެ މުއްދަތަކީ ފަހެއް (5) އަހަރުދުވަހެވެ.

(އ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން ސައިކަލް ޓެކްސީ ލައިސަންސް އައުކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ވ) މި މާއްދާގެ (ކ) ގެ ދަށުން ސައިކަލް ޓެކްސީ ލައިސަންސް އައުކުރުމަށް މި މާއްދާގެ (ނ) ގައިވާ ށަރުތުތައް އެ ހުށަހެޅުމެއްގައި ފުރިހަމަވާކަން ކަށަވަރުކުރުމަށްފަހު، ގިނަވެގެން 12 (ސާދަ) ދުވަހުގެ ތެރޭގައި ސައިކަލް ޓެކްސީ ލައިސަންސް މިނިސްޓްރީން އައުކޮށްދޭންވާނެއެވެ. އަދި، ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަނުވާކަމަށް ބަލައި މިނިސްޓްރީން ލައިސަންސް އައުކޮށްނުދޭނަމަ، ލިޔުމުން ސަބަބު ބަޔާންކޮށް، ރަސްމީ 12 (ސާދަ) ދުވަހުގެ ތެރޭގައި ސައިކަލް ޓެކްސީ ލައިސަންސް އައުކުރުމަށް އެދި ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.

 

ހަތަރުވަނަ ބާބު

ޓެކްސީ ޑްރައިވަރުން ނަށް ލައިސަން ސް ދޫކުރުން

 

17 ވަނަ މާއްދާ - ކާރު ޓެކްސީ ލައިސަންސް ދޫކުރުން

(ހ) މި ގަވާއިދުގެ ދަށުން ކާރު ޓެކްސީ ލައިސަންސް ލިބިފައިވާ އުޅަނދެއް ދުއްވަންވާނީ، ކާރު ޓެކްސީ ޑްރައިވަރ ލައިސަންސް ލިބިފައިވާ ފަރާތްތަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކާރު ޓެކްސީ ޑްރައިވަރ ލައިސަންސް ހޯދަންވާނީ، އެކަމަށް ތައްޔާރުކޮށްފައިވާ ފޯމު މިނިސްޓްރީއަށް ހުށަހަޅައިގެންނެވެ.

(ނ) ކާރު ޓެކްސީ ޑްރައިވަރ ލައިސަންސް ހޯދުމަށް އެދި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލައިސަންސް ފޯމު މިނިސްޓްރީއަށް ހުށަހެޅުމަށްފަހު، އަންނަނިވި ށަރުތުތައް އެ ހުށަހެޅުމުގައި ފުރިހަމަވާނަމަ، ގިނަވެގެން ރަސްމީ 12 (ސާދަ) ދުވަހުގެ ތެރޭގައި ކާރު ޓެކްސީ ޑްރައިވަރ ލައިސަންސް މިނިސްޓްރީން ދޫކުރަންވާނެއެވެ. އަދި، ކާރު ޓެކްސީ ޑްރައިވަރ ލައިސަންސް ހޯދުމަށް ހުށަހަޅާ ހުށަހެޅުމެއްގައި އަންނަނިވި ށަރުތުތައް ފުރިހަމަނުވާކަމަށް ބަލައި މިނިސްޓްރީން ލައިސަންސް ދޫނުކުރާނަމަ، ލިޔުމުން ސަބަބު ބަޔާންކޮށް އެކަން ރަސްމީ 12 (ސާދަ) ދުވަހުގެ ތެރޭގައި، ކާރު ޓެކްސީ ޑްރައިވަރ ލައިސަންސް ހޯދުމަށް އެދި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

  1. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތަކަށް ވުން؛
  2. ކާރު ޓެކްސީ ޑްރައިވަރުންގެ ތަމްރީނު ފުރިހަމަކޮށްފައިވާ ފަރާތަކަށްވުން؛
  3. ބިދޭސީ ޑްރައިވަރެއްނަމަ، ދިވެހި ރައްޔިތަކާ ކައިވެނިކޮށްގެން އުޅޭ ރެޒިޑެންޓް ވިސާ ލިބިފައިވާ ފަރާތަކަށް ވުން؛
  4. ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި ޖިނާއީ އެއްވެސް ކުށެއް ކޮށްފައިވާ މީހަކަށް ނުވުން؛
  5. ޓެކްސީ ހިދުމަތް ދޭ އުޅަނދެއް ދުއްވައި އޮޕަރޭޓްކުރުމުގެ ސިއްހީ 
    ގާބިލުކަމާއި ނަފްސާނީ ގާބިލުކަން ހުރި ފަރާތަކަށް ވުން.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމާއެކު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ކާރު ޓެކްސީ ޑްރައިވަރ ލައިސަންސް ހޯދުމަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
  2. ކާރު ޓެކްސީ ޑްރައިވަރ ލައިސަންސް ހޯދުމަށް އެދޭ ފަރާތަށް، ގަވާއިދު ނަންބަރު 2021-102 (އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު) ގެ ދަށުން ލިބިފައިވާ ލައިސަންސްގެ ކޮޕީ؛
  3. ކާރު ޓެކްސީ ޑްރައިވަރުންގެ ތަމްރީނު ފުރިހަމަކުރިކަމުގެ ލިޔުން؛
  4. ބިދޭސީ ޑްރައިވަރެއްނަމަ، ރެޒިޑެންޓް ވިސާއާއި ކައިވެނީގެ ސެޓުފިކެޓުގެ ކޮޕީ؛
  5. މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ދޫކޮށްފައިވާ ކުށުގެ ރެކޯޑު؛
  6. ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ހޮސްޕިޓަލަކުން ނުވަތަ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ދޫކޮށްފައިވާ މެޑިކަލް ރިޕޯޓު؛
  7. ފޯމުގައި ހުށަހެޅުމަށް ކަނޑައަޅައިފައިވާ އެހެނިހެން ލިޔެކިޔުންތައް.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ކާރު ޓެކްސީ ޑްރައިވަރ ލައިސަންސް ދޫކުރެވޭނީ،ހިދުމަތުގެ އަގުގެ ގޮތުގައި 250 (ދުއިސައްތަ ފަންސާސް) ރުފިޔާ ދެއްކުމުންނެވެ.

 

18 ވަނަ މާއްދާ - ކާރު ޓެކްސީ ޑްރައިވަރ ލައިސަންސްގެ މުއްދަތު

މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ކާރު ޓެކްސީ ޑްރައިވަރ ލައިސަންސްގެ މުއްދަތަކީ ފަހެއް (5) އަހަރުދުވަހެވެ.

 

19 ވަނަ މާއްދާ - ކާރު ޓެކްސީ ޑްރައިވަރ ލައިސަންސް އައު ކުރުން

(ހ) މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން ކާރު ޓެކްސީ ޑްރައިވަރ ލައިސަންސް އައުކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކާރު ޓެކްސީ ޑްރައިވަރ ލައިސަންސް އައުކުރުމަށް ހުށަހެޅުމެއް ލިބުމުން، މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ނ) ގައިވާ ށަރުތުތައް އެ ހުށަހެޅުމެއްގައި ފުރިހަމަވާކަން ކަށަވަރުކުރުމަށްފަހު، ގިނަވެގެން 12 (ސާދަ) ދުވަހުގެ ތެރޭގައި، ކާރު ޓެކްސީ ޑްރައިވަރ ލައިސަންސް މިނިސްޓްރީން އައު ކޮށްދޭންވާނެއެވެ. އަދި، ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަނުވާކަމަށް ބަލައި މިނިސްޓްރީން ލައިސަންސް އައުކޮށްނުދޭނަމަ، ލިޔުމުން ސަބަބު ބަޔާންކޮށް، ރަސްމީ 12 (ސާދަ) ދުވަހުގެ ތެރޭގައި، ކާރު ޓެކްސީ ޑްރައިވަރ ލައިސަންސް އައުކުރުމަށް އެދި ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކާރު ޓެކްސީ ޑްރައިވަރ ލައިސަންސް އައުކޮށްދެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 250) ދުއިސައްތަ ފަންސާސް) ރުފިޔާ ދެއްކުމުންނެވެ.

 

20 ވަނަ މާއްދާ - ސައިކަލް ޓެކްސީ ލައިސަންސް ދޫކުރުން

(ހ) މި ގަވާއިދުގެ ދަށުން ސައިކަލް ޓެކްސީ ލައިސަންސް ލިބިފައިވާ އުޅަނދެއް ދުއްވަންވާނީ، ސައިކަލް ޓެކްސީ ޑްރައިވަރ ލައިސަންސް ލިބިފައިވާ ފަރާތްތަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސައިކަލް ޓެކްސީ ޑްރައިވަރ ލައިސަންސް ހޯދަންވާނީ، އެކަމަށް ތައްޔާރުކޮށްފައިވާ ފޯމު މިނިސްޓްރީއަށް ހުށަހަޅައިގެންނެވެ.

(ނ) ސައިކަލް ޓެކްސީ ލައިސަންސް ހޯދުމަށް އެދި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލައިސަންސް ފޯމު މިނިސްޓްރީއަށް ހުށަހެޅުމަށްފަހު، އަންނަނިވި ށަރުތުތައް އެ ހުށަހެޅުމުގައި ފުރިހަމަވާނަމަ، ގިނަވެގެން ރަސްމީ 12 (ސާދަ) ދުވަހުގެ ތެރޭގައި ސައިކަލް ޓެކްސީ ޑްރައިވަރ ލައިސަންސް މިނިސްޓްރީން ދޫކުރަންވާނެއެވެ. އަދި، ސައިކަލް ޓެކްސީ ޑްރައިވަރ ލައިސަންސް ހޯދުމަށް ހުށަހަޅާ ހުށަހެޅުމެއްގައި އަންނަނިވި ށަރުތުތައް ފުރިހަމަނުވާކަމަށް ބަލައި މިނިސްޓްރީން ލައިސަންސް ދޫނުކުރާނަމަ، ލިޔުމުން ސަބަބު ބަޔާންކޮށް، ރަސްމީ 12 (ސާދަ) ދުވަހުގެ ތެރޭގައި، ސައިކަލް ޓެކްސީ ޑްރައިވަރ ލައިސަންސް ހޯދުމަށް އެދި ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.

  1. ގަވާއިދު ނަންބަރު 2021-102 (އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު) ގެ ދަށުން ލިބިފައިވާ ލައިސަންސްގެ ކޮޕީ؛
  2. ސައިކަލް ޓެކްސީ ޑްރައިވަރުންގެ ތަމްރީނު ފުރިހަމަކޮށްފައިވާ ފަރާތަކަށް ވުން؛
  3. ބިދޭސީ ޑްރައިވަރެއްނަމަ، ދިވެހި ރައްޔިތަކާ ކައިވެނިކޮށްގެން އުޅޭ ރެޒިޑެންޓް ވިސާ ލިބިފައިވާ ފަރާތަކަށް ވުން؛
  4. ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި ޖިނާއީ އެއްވެސް ކުށެއް ކޮށްފައިވާ މީހަކަށް ނުވުން؛
  5. ޓެކްސީ ހިދުމަތް ދޭ އުޅަނދެއް ދުއްވައި އޮޕަރޭޓްކުރުމުގެ ސިއްހީ ގާބިލުކަމާއި، ނަފްސާނީ ގާބިލުކަން ހުރި ފަރާތަކަށް ވުން.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމާއެކު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ސައިކަލް ޓެކްސީ ޑްރައިވަރ ލައިސަންސް ހޯދުމަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
  2. ސައިކަލް ޓެކްސީ ޑްރައިވަރ ލައިސަންސް ހޯދުމަށް އެދޭ ފަރާތަށް، 2021-102 (އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު) ގެ ދަށުން ލިބިފައިވާ ލައިސަންސްގެ ކޮޕީ؛
  3. ސައިކަލް ޓެކްސީ ޑްރައިވަރުންގެ ތަމްރީނު ފުރިހަމަކުރިކަމުގެ ލިޔުން؛
  4. ބިދޭސީ ޑްރައިވަރެއްނަމަ، ރެޒިޑެންޓް ވިސާއާއި ކައިވެނީގެ ސެޓުފިކެޓުގެ ކޮޕީ؛
  5. މޯލްޑިވްސް ޕޮލިސް ސަރިވިސަސްއިން ދޫކޮށްފައިވާ ކުށުގެ ރިކޯޑު؛
  6. ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ހޮސްޕިޓަލަކުން ނުވަތަ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ދޫކޮށްފައިވާ މެޑިކަލް ރިޕޯޓު؛
  7. ފޯމުގައި ހުށަހެޅުމަށް ކަނޑައަޅައިފައިވާ އެހެނިހެން ލިޔެކިޔުންތައް.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ސައިކަލް ޓެކްސީ ޑްރައިވަރ ލައިސަންސް ދޫކުރެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 250) ދުއިސައްތަ ފަންސާސް) ރުފިޔާ ދެއްކުމުންނެވެ.

 

21 ވަނަ މާއްދާ - ސައިކަލް ޓެކްސީ ޑްރައިވަރ ލައިސަންސް މުއްދަތު

މި ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ސައިކަލް ޓެކްސީ ޑްރައިވަރ ލައިސަންސްގެ މުއްދަތަކީ، ފަހެއް (5) އަހަރުދުވަހެވެ.

 

22 ވަނަ މާއްދާ - ސައިކަލް ޓެކްސީ ޑްރައިވަރ ލައިސަންސް އައު ކުރުން

(ހ) މި ގަވާއިދުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން ސައިކަލް ޓެކްސީ ޑްރައިވަރ ލައިސަންސް އައުކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ސައިކަލް ޓެކްސީ ޑްރައިވަރ ލައިސަންސް އައުކުރުމަށް ހުށަހެޅުމެއް ލިބުމުން، މި ގަވާއިދުގެ 20 ވަނަ މާއްދާގެ

(ނ) ގައިވާ ށަރުތުތައް އެ ހުށަހެޅުމެއްގައި ފުރިހަމަވާކަން ކަށަވަރުކުރުމަށްފަހު، ގިނަވެގެން 12 (ސާދަ) ދުވަހުގެ ތެރޭގައި ސައިކަލް ޓެކްސީ ޑްރައިވަރ ލައިސަންސް މިނިސްޓްރީން އައުކޮށްދޭންވާނެއެވެ. އަދި، ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި، މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަނުވާކަމަށް ބަލައި މިނިސްޓްރީން ލައިސަންސް އައުކޮށްނުދޭނަމަ، ލިޔުމުން ސަބަބު ބަޔާންކޮށް ރަސްމީ 12 (ސާދަ) ދުވަހުގެ ތެރޭގައި ސައިކަލް ޓެކްސީ ޑްރައިވަރ ލައިސަންސް އައުކުރުމަށް އެދި ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ނ) ގެ ދަށުން ސައިކަލް ޓެކްސީ ޑްރައިވަރ ލައިސަންސް އައުކޮށްދެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 250 (ދުއިސައްތަ ފަންސާސް) ރުފިޔާ ދެއްކުމުންނެވެ.

 

23 ވަނަ މާއްދާ - މަނާކަންކަން

ކާރު ޓެކްސީ ލައިސަންސް ލިބިފައިވާ އުޅަނދެއްގައި ކާރު ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި، ނުވަތަ ސައިކަލް ޓެކްސީ ލައިސަންސް ލިބިފައިވާ އުޅަނދެއްގައި ސައިކަލްޓެކްސީ ޑްރައިވަރެއްގެ ގޮތުގައި، މި ބާބުގައިވާ މާއްދާތަކާ ހިލާފަށް މަސައްކަތް ކުރުމަކީ މަނާކަމެކެވެ.

 

ފަސްވަނަ ބާބު

ހިދުމަތް ދިނުމުގެ މިންގަނޑު

 

24 ވަނަ މާއްދާ - ހިދުމަތުގެ އަގު ނެގުން

(ހ) ޓެކްސީގެ ހިދުމަތް ދިނުމަށް އަގު ނަގަންވާނީ، މިނިސްޓްރީން ކަނޑައަޅައި އާންމުކުރާ އަދަދުތަކަށްވުރެ ބޮޑުނުވާ ގޮތަށެވެ.

(ށ) ޓެކްސީގެ ހިދުމަތް ލިބިގަންނަ ފަސިންޖަރުން، އަތުން ހިފައިގެން ހުންނަ އަތްދަބަހާއި ކޮތަޅުފަދަ ތަކެއްޗަށް އިތުރު އަގެއް ނަގައިގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާ ހިލާފަށް ޓެކްސީގެ ހިދުމަތް ދިނުމަށް އަގު ނެގުމަކީ މަނާކަމެކެވެ.

 

25 ވަނަ މާއްދާ - ޓެކްސީ ސްޓޮޕް

(ހ) ޓެކްސީގެ ހިދުމަތްދޭ ސަރަހައްދެއްގައި "ޓެކްސީ ސްޓޮޕް" ހުންނާނެތަން ކަނޑައަޅައި، ޓެކްސީ ސްޓޮޕް ހަދައި ބަލަހައްޓާނީ، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލުންނެވެ. މި ނޫން ސަރަހައްދުތަކުގައި އެ ސަރަހައްދެއް ބެލެހެއްޓުމުގެ ކަންކަން ހަވާލުވެފައިވާ ފަރާތުންނެވެ.

(ށ) ގަވާއިދު ނަންބަރު 2021-13 (އެއްގަމު ދަތުރުފަތުރުގެ ނިށާންތަކުގެ ގަވާއިދު) ގައި ކަނޑައަޅައިފައިވާ "ޓެކްސީ ހުއްޓާ ސަރަހައްދު އަންގައިދޭ ބޯޑު" ޓެކްސީ ސްޓޮޕްތަކުގައި ހަރުކޮށްފައި ހުންނަންވާނެއެވެ.

(ނ) ޓެކްސީ ހުއްޓާ ސަރަހައްދު އަންގައިދޭ ބޯޑަށް ނުވަތަ ނިށާނަށް ގެއްލުން ދިނުމަކީ މަނާކަމެކެވެ.

 

26 ވަނަ މާއްދާ - ކާރު ޓެކްސީގެ މިންގަނޑު

މި ގަވާއިދުގެ ދަށުން ކާރު ޓެކްސީ ލައިސަންސް ލިބިފައިވާ އުޅަނދަކުން ޓެކްސީގެ ހިދުމަތް ދިނުމަށްޓަކައި އަންނަނިވި ކަންކަން އެ އުޅަނދެއްގައި ފުރިހަމަ ކުރަންވާނެއެވެ.

(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ މިންގަނޑާ އެއްގޮތްވާ ގޮތަށް، އުޅަނދުގައި “TAXI “މިގޮތަށް ލިޔެފައިވާ ބޯޑެއް ދިއްލޭގޮތަށް އުޅަނދުގެ ކުރިމަތިން ފެންނަން ހުންނަގޮތަށް ހަރުކުރުން؛

(ށ) މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އުޅަނދަކަށް ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ސާފުކޮށް ފެންނަ ގޮތަށް ޓެކްސީގެ ބިއްލޫރި ހުރުން؛

(ނ) ޓެކްސީތަކުގައި ޑޭށް ކެމެރާ ހަރުކޮށް، ޓެކްސީ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ވަގުތެއްގައި އެ ކެމެރާއިން ރިކޯޑުކޮށްފައި ހުންނަންވާނެއެވެ. އަދި މި ގޮތަށް ކޮށްފައިވާ ރިކޯޑިންގތައް، އެންމެ މަދުވެގެން ހަތެއް (7) ދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ.

(ރ) އުޅަނދުގެ ކުރީ ސީޓަށާއި ފަހަތު ސީޓަށް އަރައި ފޭބޭގޮތަށް މަދުވެގެން 4 (ހަތަރެއް) ދޮރުފަތް ހުރުމާއެކު، ޖާގައިގެ ގޮތުން ތަނަވަސް ޑިކީއެއް ހުރުން؛

(ބ) ޖަދުވަލު 2 ގައިވާ ޓެކްސީ ކުރުމަށް ހުއްދަކޮށްފައިވާ ސްޓިކަރ އުޅަނދުގެ ވިންޑްސްކްރީންގައި ފެންނަ ގޮތަށް ހަރުކޮށްފައިހުރުން؛

(ޅ) މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ގޮތަށް އުޅަނދުގެ ދެ އަރިމަތީގައި ބޭރަށް ފެންނަން ހުންނާނޭހެން، ހިދުމަތްދޭ ޓެކްސީ ސެންޓަރުގެ ނަމާއި ފޯނު ނަންބަރު ލިޔެފައި ހުރުން؛

(ކ) ޓެކްސީ ޑްރައިވަރ ލައިސަންސް ފަސިންޖަރުންނަށް ފެންނަގޮތަށް ހަރުކޮށްފައިހުރުން؛

(އ) ހިދުމަތާ ގުޅޭގޮތުން ފަސިންޖަރުން ށަކުވާ ނުވަތަ ހިޔާލު ހުށަހެޅުމަށްޓަކައި މިނިސްޓްރީން ގާއިމުކުރާ ހޮޓްލައިން ނަންބަރު، އުޅަނދުގެ ތެރޭގައި ފަސިންޖަރުންނަށް ފެންނަ ގޮތަށް ހަރުކޮށްފައި ހުރުން؛

(ވ) ޓެކްސީ ހިދުމަތް ދިނުމުގެ އަގުތަކާއި ތަފުސީލު، ފަސިންޖަރުންނަށް ފެންނާނޭހެން ހަރުކޮށްފައި ހުރުން؛

(މ) އެކަށީގެންވާ މިންގަނޑަކަށް އުޅަނދު ސާފުތާހިރުކޮށް ހުރުން؛

(ފ) އެއަރކޮންޑިށަން ކޮށްފައި ހުރުން؛ނަމަވެސް، ދިމާވާ މައްސަލައެއްގެ ސަބަބުން އެއަރކޮންޑިށަން މަސައްކަތް ނުކުރާނަމަ، ޓެކްސީ ޑްރައިވަރު ނުވަތަ ސެންޓަރުން އެކަން އަވަހަށް ހައްލުކުރަންވާނެކަމާއި، އެ މައްސަލަ ހައްލުކުރެވެންދެން އެ އުޅަނދެއް ޓެކްސީ ކުރާނަމަ، އެއަރކޮންޑިށަން މަސައްކަތް ނުކުރާކަން ފަސިންޖަރުންނަށް އެންގުމާއެކު، ވައި ދައުރުވާގޮތަށް ޓެކްސީގެ ކުޑަދޮރުތައް ހުޅުވައިފައި ހުރުން.

 

27 ވަނަ މާއްދާ - ކާރު ޓެކްސީ ޑްރައިވަރުން އަމަލުކުރަންޖެހޭ މިންގަނޑާއި ޒިންމާތައް

ޓެކްސީ ހިދުމަތް ދިނުމުގައި، ކާރު ޓެކްސީ ޑްރައިވަރުން، އަންނަނިވި މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.

(ހ) ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކަށް، ކާރު ޓެކްސީ ޑްރައިވަރުން އަބަދުވެސް އަމަލުކުރަންވާނެއެވެ.

(ށ) ޓެކްސީ ސެންޓަރާއި ޓެކްސީ ހިދުމަތްދޭ އުޅަނދާ ދެމެދުގައި މުއާސަލާތު ކުރުމަށް ޓަކައި ގާއިމުކޮށްފައި ހުންނަ މުއާސަލާތީ ނިޒާމެއްގެ ބޭނުންހިފުމުގައި ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) ޓެކްސީ ޑްރައިވަރުން، ޓެކްސީން ދަތުރުކުރާ ފަސިންޖަރުންނާ މުއާމަލާތުކުރަންވާނީ، އިހުތިރާމާއެކު ރިވެތި ބަހުންނެވެ.

(ރ) ޓެކްސީން ދަތުރުކުރާ ފަސިންޖަރުންގެ ލަގެޖް ޓެކްސީއަށް އަރުވައި ބާލައިދިނުމުގައި ޑްރައިވަރުން އެހީތެރިވާންޖެހޭނެއެވެ. ހާއްސަކޮށް،ބަލިމީހުންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ޖިސްމާނީ އުނިކަން އިހުސާސް ކުރަން ޖެހިފައިވާ މީހުން ޓެކްސީއަށް އަރައި ފޭބުމުގައްޔާއި މިފަދަ މީހުން ބޭނުންކުރާ ފުރޮޅުލީ ގޮނޑިއާއި ލަގެޖް ޓެކްސީއަށް އަރުވައި ބާލައިދިނުމުގައި އެހީތެރިވާންޖެހޭނެއެވެ. އަދި މިފަދަ މީހުން ބޭނުންކުރާ ފުރޮޅުލީ ގޮނޑި ފަދަ ތަކެއްޗަށް އިތުރު އަގެއް ނެގުމަކީ މަނާކަމެކެވެ.

 

28 ވަނަ މާއްދާ - ކާރު ޓެކްސީގެ ވެށީގެ ރައްކައުތެރިކަމާއި ފަސިންޖަރުންގެ ހައްގުތަކާއި ޒިންމާ

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޓެކްސީގެ ހިދުމަތް ދެވޭކަން ކަށަވަރުކުރުމުގެ ގޮތުން، ކާރު ޓެކްސީގެ ހިދުމަތް ލިބިގަންނަ ފަރާތާއި، ކާރު ޓެކްސީގެހިދުމަތް ފޯރުކޮށްދޭ ފަރާތުން، އަންނަނިވި އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަންވާނެއެވެ.

(ހ) މަގުމައްޗާއި ޓެކްސީ ހުއްޓީގެ ބޭނުންކުރުމުގައި، ޑްރައިވަރުންނާއި ފަސިންޖަރުން، ޓެކްސީގެ ހިދުމަށް ދަތިވާގޮތަށް އެއްވެސްކަހަލަ އަމަލެއް ކޮށްގެން ނުވާނެއެވެ.

(ށ) ފަސިންޖަރުން ޓެކްސީއަށް އަރައި ފައިބާއިރުގައްޔާއި ޓެކްސީގައި ދަތުރުކުރަމުންދާއިރު، ޑްރައިވަރަށް އުނދަގޫވާފަދަ އަމަލެއް ކޮށްގެން ނުވާނެއެވެ.

(ނ) ފަސިންޖަރުން ޓެކްސީގެ ތެރޭގައި އެކަކު އަނެކަކަށް އުނދަގޫކޮށް، ޓެކްސީގެ ތެރޭގައި މަސްލަހަތު ގެއްލޭފަދަ އެއްވެސް އަމަލެއް ކޮށްގެން ނުވާނެއެވެ.

(ރ) ފަސިންޖަރުން މޯބައިލް ފޯނު ފިޔަވައި، އަޑު ނުކުންނަ ބާވަތުގެ އެހެން ވަސީލަތެއް ބޭނުންކުރަންވާނީ، ހެޑްފޯނު ބޭނުންކޮށްގެން އަޑުއަހާގޮތަށެވެ. ނުވަތަ ޓެކްސީ ޑްރައިވަރުގެ ރުހުމާއެކު ޑްރައިވަރަށް އުނދަގޫނުވާ ގޮތަށެވެ.

(ބ) ޓެކްސީގެ ތެރޭގައި ބޭނުންކުރާ މުއާސަލާތީ ސެޓް ފިޔަވައި އޯޑިއޯ އަދި ވީޑިއޯ ފެންނަ އިތުރު ވަސީލަތެއް ޑްރައިވަރުން ބޭނުންކުރަންވާނީ، ފަސިންޖަރުންގެ ރުހުން ލިބިގެންނެވެ.

(ޅ) ދަތުރެއް ކުރަމުންދާއިރު، ކުރަމުންދާ ދަތުރުގައި ފަސިންޖަރަކު އިންދައި ނުވަތަ އެއް ފަސިންޖަރަށްވުރެ ގިނަ ފަސިންޖަރުން ތިއްބައި، އިތުރު ފަސިންޖަރެއް އަރުވައިގެން ދަތުރުކުރުމަކީ މަނާކަމެކެވެ.

 

29 ވަނަ މާއްދާ - ސައިކަލް ޓެކްސީގެ މިންގަނޑު

މި ގަވާއިދުގެ ދަށުން ސައިކަލް ޓެކްސީގެ ލައިސަންސް ލިބިފައިވާ އުޅަނދަކުން ޓެކްސީގެ ހިދުމަތް ދިނުމަށްޓަކައި، އަންނަނިވި ކަންކަން އެ އުޅަނދެއްގައި ފުރިހަމަ ކުރަންވާނެއެވެ.

(ހ) މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ޓެކްސީ ކުރުމަށް ހުއްދަކޮށްފައިވާ ސްޓިކަރ އުޅަނދުގައި ފެންނަ ގޮތަށް ހަރުކޮށްފައި ހުރުން.

(ށ) އުޅަނދު ދުއްވުމަށާއި، އުޅަނދުގައި ދަތުރުކުރާ ފަސިންޖަރެއްގެ ރައްކައުތެރިކަމަށް އުނިކަމެއް އަންނަ ފަދަ އެއްޗެއް އުޅަނދުގައި ބަހައްޓައިފައި ނެތުން ނުވަތަ ހަރުކޮށްފައި ނެތުން.

(ނ) އުޅަނދުގެ ސީޓް ޑްރައިވަރާއި ފަސިންޖަރާ ދެމީހުން ހަމަޖެހިގެން އިށީނދެ ތިބެވޭ ގޮތަށް ފަރުމާކޮށްފައިވުން.

 

30 ވަނަ މާއްދާ - ސައިކަލް ޓެކްސީ ޑްރައިވަރުން އަމަލުކުރަންޖެހޭ މިންގަނޑާއި ޒިންމާތައް

ސައިކަލު ޓެކްސީގެ ހިދުމަތް ދިނުމުގައި، ސައިކަލް ޓެކްސީ ޑްރައިވަރުން އަންނަނިވި މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.

(ހ) ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކަށް، ސައިކަލް ޓެކްސީ ޑްރައިވަރުން އަބަދުވެސް އަމަލުކުރަންވާނެއެވެ.

(ށ) ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގެ ދަށުން ހެލްމެޓް އަޅަންޖެހޭ ސަރަހައްދުތަކުގައްޔާއި ހާލަތްތަކުގައި ހެލްމެޓް އަޅަންވާނެއެވެ. އަދި އެހެނިހެން ސަލާމަތީ ސާމާނު ބޭނުންކުރަންވާނެއެވެ.

(ނ) ސައިކަލް ޓެކްސީ ޑްރައިވަރުން، ޓެކްސީން ދަތުރުކުރާ ފަސިންޖަރުންނާ މުއާމަލާތު ކުރަންވާނީ އިހުތިރާމާއެކު ރިވެތި ބަހުންނެވެ.

(ރ) ސައިކަލް ޓެކްސީގައި ސަލާމަތްތެރިކަމާއެކު ނުގެންދެވޭނެ މީހަކު ފަސިންޖަރެއްގެ ގޮތުގައި ގެންގޮސްދީގެން ނުވާނެއެވެ.

(ބ) ސައިކަލް ދުއްވަންވާނީ، އަމިއްލަ ނަފްސާއި، ފަހަތުގައި އިންނަ ފަސިންޖަރާއި، މަގުމަތީގައި ދުއްވާ އެހެނިހެން އުޅަނދުތަކާއި، ހިނގާ މީހުންނަށް ނުރައްކާ ނުވާނެ ގޮތުގެ މަތީންނެވެ.

(ޅ) އެކަށީގެންވާ ސަބަބެއްނެތި، އެއްވެސް ފަސިންޖަރަކަށް ދަތުރެއް ކޮށްދިނުމަށް ދެކޮޅުހަދައިގެން ނުވާނެއެވެ.

(ކ) ސައިކަލް ޓެކްސީ ޑްރައިވަރުން ހިދުމަތްދޭ ވަގުތުތަކުގައި، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ވެސްޓް ލާންވާނެއެވެ.

(އ) ފަސިންޖަރުން ނުވަތަ ފުލުހުން އެދިއްޖެނަމަ، ސައިކަލް ޓެކްސީ ޑްރައިވަރ ލައިސަންސް، ފަސޭހައިން ދެއްކޭގޮތަށް، ޑްރައިވަރުގެ އަތުގައި އަބަދުވެސް އޮންނަންވާނެއެވެ.

(ވ) ސައިކަލް ބޭނުންކުރަންވާނީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި ، އެ ގާނޫނުގެ ދަށުން ހަދައި ފައިވާ ގަވާއިދުތަކާއި،ސައިކަލް އުފެއްދި ފަރާތުގެ ސްޕެސިފިކޭށަންތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

31 ވަނަ މާއްދާ - ސައިކަލް ޓެކްސީގެ ވެށީގެ ރައްކައުތެރިކަމާއި ފަސިންޖަރުންގެ ޒިންމާ

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޓެކްސީ ހިދުމަތް ދެވޭކަން ކަށަވަރުކުރުމުގެ ގޮތުން ސައިކަލް ޓެކްސީގެ ހިދުމަތް ލިބިގަންނަ ފަރާތާއި ސައިކަލް ޓެކްސީ ހިދުމަތް ފޯރުކޮށްދޭ ފަރާތުން، އަންނަނިވި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
(ހ) ދަތުރުގެ ތެރޭގައި ސައިކަލުގެ ފަހަތުގައި އިންނައިރު، ޑްރައިވަރަށް އުދަނގޫވާފަދަ ކަމެއް ކޮށްގެން ނުވާނެއެވެ.

(ށ) ސައިކަލުގައި އުފުލާ އެއްޗެއްގެ ސަބަބުން ސައިކަލުގެ ސްޓެބިލިޓީއަށް ބަދަލު އަންނަ އެއްޗެއް ނުވަތަ ޑްރައިވަރަށް އުނދަގޫވާފަދަ އެއްޗެއް ސައިކަލުގައި ގެންގޮސްގެން ނުވާނެއެވެ.

(ނ) ސައިކަލް ހަޑިވާފަދަ އެއްވެސް އަމަލެއް، އަދި ސައިކަލަށް ގެއްލުން ލިބޭފަދަ އެއްވެސް އަމަލެއް ފަސިންޖަރުން ކުރުމަކީ މަނާކަމެކެވެ.

 

32 ވަނަ މާއްދާ - ފަސިންޖަރުންނަށް ހަނދާންނެތި ބެހެއްޓޭ ނުވަތަ ބޭއްވޭ ތަކެތި ރައްދުކުރުން

(ހ) ފަސިންޖަރުންގެ ފަރާތުން އެއްވެސް އެއްޗެއް ނުވަތަ މުދަލެއް ޓެކްސީގައި ބޭއްވިފައިވާނަމަ، އެ އެއްޗެއް ވީ އެންމެ އަވަހަކަށް، ޓެކްސީ ސެންޓަރެއް މެދުވެރިކޮށް މަސައްކަތްކުރާ ޓެކްސީއެއްނަމަ ޓެކްސީ ސެންޓަރަށް ނުވަތަ އަމިއްލަ ފަރާތުން ދޭ ޓެކްސީ ހިދުމަތެއްނަމަ ހިދުމަތްދޭ ވެބްސައިޓް ނުވަތަ އެޕްގެ މަސްއޫލުވެރި ފަރާތަށް އެ އުޅަނދުގެ ޓެކްސީ ޑްރައިވަރު ހަވާލުކުރަންވާނެއެވެ.

(ށ) ފަސިންޖަރުންގެ ފަރާތުން ކާރު ނުވަތަ ސައިކަލް ޓެކްސީގައި ބޭއްވިފައިވާ އެއްޗެއްގެ ނުވަތަ މުދަލެއްގެ މައުލޫމާތު ޓެކްސީ ސެންޓަރުން ނުވަތަ އަމިއްލަ ފަރާތުން ދޭ ޓެކްސީ ހިދުމަތެއްނަމަ ހިދުމަތްދޭ ވެބްސައިޓް ނުވަތަ އެޕްގެ މަސްއޫލުވެރި ފަރާތުން އާންމުކޮށް ށާއިއުކުރަންވާނެއެވެ. އަދި އެފަދަ އެއްޗެއް ނުވަތަ މުދަލެއް ހަތެއް (7) ދުވަހުގެ ތެރޭގައި އެ އެއްޗެއްގެ ނުވަތަ މުދަލެއްގެ ވެރިފަރާތުން ގެންގޮސްފައިނުވާނަމަ، އެ އެއްޗެއްގެ ނުވަތަ މުދަލެއްގެ މައުލޫމާތު މިނިސްޓްރީއަށް، ޓެކްސީ ސެންޓަރުން ނުވަތަ އަމިއްލަ ފަރާތުން ދޭ ޓެކްސީ ހިދުމަތެއްނަމަ ހިދުމަތްދޭ ވެބްސައިޓް ނުވަތަ އެޕްގެ މަސްއޫލުވެރި ފަރާތުން އަންގައި، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން އެ އެއްޗަކާ މެދު އަމަލުކުރަންވާނެއެވެ.

(ނ) ފަސިންޖަރުންގެ ފަރާތުން ޓެކްސީގައި ބޭއްވިފައިވަނީ ހަލާކުވާ ޒާތުގެ އެއްޗެއް ނަމަ، ނުވަތަ ކުނިވާ ޒާތުގެ އެއްޗެއް ނަމަ، އެ އެއްޗެއްގެ މައުލޫމާތު، ވީ އެންމެ އަވަހަކަށް މިނިސްޓްރީއަށް، ޓެކްސީ ސެންޓަރުން ނުވަތަ އަމިއްލަ ފަރާތުން ދޭ ޓެކްސީ ހިދުމަތެއްނަމަ ހިދުމަތްދޭ ވެބްސައިޓް ނުވަތަ އެޕްގެ މަސްއޫލުވެރި ފަރާތުން އަންގައި، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން އެ އެއްޗެއް ނުވަތަ މުދަލެއް ނައްތައިލެވޭނެއެވެ.

 

33 ވަނަ މާއްދާ - ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުން

ޓެކްސީ ހިދުމަތްދޭ އުޅަނދެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ.

 

34 ވަނަ މާއްދާ - ބަލައި ފާސްކުރުން

މި ގަވާއިދުގައިވާ ކަންކަން ޓެކްސީގެ ހިދުމަތް ނުވަތަ ޕްރައިވެޓް ހަޔަރގެ ހިދުމަތްދޭ އުޅަނދެއްގައި ނުވަތަ އުޅަނދު ދުއްވަން އިންނަ ޑްރައިވަރުގެ ކިބައިގައި ފުރިހަމަވޭތޯ ބެލުމަށް، އެ އުޅަނދެއް ހުއްޓުވައި ބެލުމުގެ އިހްތިޔާރު، ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ.

 

ހަވަނަ ބާބު

ޕްރައިވެޓް ހަޔަރގައި ޓެކްސީ ހިދުމަތްދިނުން

 

35 ވަނަ މާއްދާ - ވެބްސައިޓް ނުވަތަ އެޕްލިކޭށަން (އެޕް) މެދުވެރިކޮށް ޕްރައިވެޓް ހަޔަރގައި ޓެކްސީ ހިދުމަތް ދިނުން

(ހ) ދިވެހިރާއްޖޭގައި ޕްރައިވެޓް ހަޔަރގައި ޓެކްސީ ސެންޓަރެއް މެދުވެރިނުކޮށް ޓެކްސީގެ ހިދުމަތް ދެވޭނީ، މިނިސްޓްރީން އާންމުކުރާ މިންގަނޑުތަކަށް ފެތޭ ވެބްސައިޓެއް ނުވަތަ އެޕްލިކޭށަން (އެޕް) އެއް މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އާންމުކުރަންވާނެއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ވެބްސައިޓް ނުވަތަ އެޕް މެދުވެރިކޮށް ޓެކްސީ ހިދުމަތް ދެމުންގެންދާ ފަރާތްތަކުން، މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީން އާންމުކުރާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީން، އެ މިންގަނޑުތައް އާންމުކުރާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެ ފަރާތެއްގެ ވެބްސައިޓް ނުވަތަ އެޕް އަޕްޑޭޓް ކުރަންވާނެއެވެ.

(ރ) ވެބްސައިޓް ނުވަތަ އެޕް މެދުވެރިކޮށް ޓެކްސީ ހިދުމަތް ދިނުމަށް އެދޭ ފަރާތްތަކުން ހިދުމަތް ދިނުމުގެ ކުރިން، ވެބްސައިޓް ނުވަތަ އެޕް ޑިވެލޮޕް ކުރުމަށްފަހުގައި އެ ހިދުމަތެއް ދިނުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ބ) ޕްރައިވެޓް ހަޔަރގައި ހިދުމަތް ދިނުމަށް ބޭނުންކުރާ ވެބްސައިޓް ނުވަތަ އެޕް އަށް އެއްވެސްކަހަލަ ބުރުލެއް އަރައިފިނަމަ، ނުވަތަ ހިދުމަތް ހުއްޓުމަކަށް އަތުވެއްޖެނަމަ، އެންމެ ލަސްވެގެން 72) ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި މިނިސްޓްރީއަށް އެ ކަން އަންގަންވާނެއެވެ. އަދި މި މާއްދާއާ ހިލާފަށް އަމަލުކުރާ ފަރާތްތަކަށް، މި ގަވާއިދުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަންވާނެއެވެ.

 

36 ވަނަ މާއްދާ - ޕްރައިވެޓް ހަޔަރގައި ޓެކްސީގެ ހިދުމަތް ދިނުމުގެ ށަރުތުތައް

މި ގަވާއިދުގެ 35 ވަނަ މާއްދާގެ ދަށުން ޕްރައިވެޓް ހަޔަރގައި ޓެކްސީ ހިދުމަތް ދިނުމުގެ ހުއްދަ ދެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމާ ފަރާތްތަކަށެވެ.

(ހ) ގާނޫނު ނަންބަރު 1996-04 (ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ވުން، ނުވަތަ ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕް ގާނޫނު) ގެ ދަށުން ރަޖިސްކޮށްފައިވާ ޕާޓްނަރށިޕަކަށް ވުން، ނުވަތަ ގާނޫނު ނަންބަރު 2014-14 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާއަމިއްލަ ފަރުދުންގެ ވިޔަފާރިއަކަށް ވުން. (ނޯޓް: މި މާއްދާގައި ގާނޫނު ނަންބަރު 2014-14 ގެނެވިފަިއވަނީ ގާނޫނު ނަންބަރު 2014-19 ގެ ބަދަލުގައި އޮޅިގެން ކަމަށް ބެލެވޭ)

(ށ) މި ގަވާއިދުގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން އާންމުކޮށްފައިވާ މިންގަނޑުތަކަށް ފެތޭ ވެބްސައިޓެއް ނުވަތަ އެޕެއް ހުރުން.

(ނ) ޕްރައިވެޓް ހަޔަރގައި ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކާ ގުޅޭނެ ހޮޓްލައިނެއް ގާއިމުކޮށްފައިވުން.

(ރ) ވެބްސައިޓް ނުވަތަ އެޕްލިކޭށަން (އެޕް) މެދުވެރިކޮށް ޕްރައިވެޓް ހަޔަރގައި ޓެކްސީ ހިދުމަތް ދިނުމަށް ރަޖިސްޓަރީ ކޮށްފައިވާ 50 (ފަންސާސް) އުޅަނދު އޮތުން.

(ބ) ވެބްސައިޓް ނުވަތަ އެޕްލިކޭށަން (އެޕް) މެދުވެރިކޮށް ޕްރައިވެޓް ހަޔަރގައި ޓެކްސީގެ ހިދުމަތް ދިނުމަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދު ދުއްވުމަށް މި މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވެފައިވާ، އެންމެ މަދުވެގެން ވެސް 50 (ފަންސާސް) ޑްރައިވަރުން ތިބުން.

(ޅ) މި މާއްދާގެ (ރ) އާއި (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް،ގްރޭޓަރ މާލެ އޭރިޔާ ފިޔަވައި އެހެން ހުރިހާ ރަށްރަށެއްގައި ޕްރައިވެޓް ހަޔަރގައި ޓެކްސީ ހިދުމަތް ދިނުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަހެއް (5) އުޅަނދާއި، ޕްރައިވެޓް ހަޔަރގައި ޓެކްސީގެ ހިދުމަތް ދިނުމަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދު ދުއްވުމަށް މި މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވެފައިވާ، މަދުވެގެން ފަހެއް (5) ޑްރައިވަރުން ތިބުން.

 

37 ވަނަ މާއްދާ - ޕްރައިވެޓް ހަޔަރގައި ޓެކްސީ ހިދުމަތް ދިނުމުގެ އުސޫލު

މި ގަވާއިދުގެ 35 ވަނަ މާއްދާގެ ދަށުން ހުއްދަ ދީފައިވާ ވެބްސައިޓެއް ނުވަތަ އެޕެއް މެދުވެރިކޮށް ޓެކްސީގެ ހިދުމަތް ދިނުމަށް ބޭނުންވާ އުޅަނދުތަކާއި ޑްރައިވަރުން،އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

(ހ) މި ގަވާއިދުގެ ތިންވަނަ ބާބުގެ ދަށުން ޓެކްސީ ލައިސަންސް ލިބިފައިވުން؛

(ށ) މި ގަވާއިދުގެ ހަތަރުވަނަ ބާބުގެ ދަށުން ޓެކްސީ ޑްރައިވަރ ލައިސަންސް ލިބިފައިވުން.

 

38 ވަނަ މާއްދާ - ޕްރައިވެޓް ހަޔަރގައި ޓެކްސީ ހިދުމަތް ދިނުމުގެ މިންގަނޑު

މި ގަވާއިދުގެ 35 ވަނަ މާއްދާގެ ދަށުން ޕްރައިވެޓް ހަޔަރގައި ޓެކްސީގެ ހިދުމަތް ދިނުމުގައި، އަންނަނިވި މާއްދާތައް ފިޔަވައި، މި ގަވާއިދުގެ ފަސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ކަންކަމާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

(ހ) ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) އާއި، (ބ) އާއި، (އ)؛

(ށ) ގަވާއިދުގެ 30 ވަނަ މާއްދާގެ (ޅ) އާއި (އ).

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ، ޓެކްސީ ކުރުމަށް ހުއްދަކޮށްފައިވާ ސްޓިކަރ،އުޅަނދުގެ ވިންޑްސްކްރީނުގައި، ފެންނަ ގޮތަށް ހަރުކޮށްފައި ހުރުން؛

 

އަށްވަނަ ބާބު

ށަކުވާ ހުށަހެޅުމާއި ފިޔަވަޅުއެޅުން

 

39 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) މި ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފައިވާކަމުގެ ށަކުވާ،އެކަން ހިނގާތާ އެންމެ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެކަމަށް ތައްޔާރުކޮށްފައިވާ ފޯމުން މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ށަކުވާގެ އިތުރުން، މިނިސްޓްރީގެ އަމިއްލަ އިސްނެގުމުގައި ފާހަގަކުރެވޭ ކަމަކާ ގުޅިގެން ނުވަތަ ފުލުހުންގެ ފަރާތުން ހުށަހަޅާ ކަމަކާ ގުޅިގެން ށަކުވާ ބެލިދާނެއެވެ.

 

40 ވަނަ މާއްދާ - ށަކުވާ ބެލުން

މި ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން ބަލާ ށަކުވާތައް ބެލުމުގައި، އަންނަނިވި އުސޫލުން އަމަލުކުރަންވާނެއެވެ.

(ހ) ލިބިފައިވާ ށަކުވާ ރައްދުވާ ފަރާތަށް، ށަކުވާގެ ތަފުސީލުތައް މިނިސްޓްރީން ލިޔުމުން އަންގަންވާނެއެވެ.

(ށ) ށަކުވާއާ ގުޅިގެން ޖަވާބުދާރީވުމަށް ށަކުވާ ރައްދުވާ ފަރާތަ ށް، އެންމެ މަދުވެގެން ވެސް ހަތެއް (7) ދުވަހުގެ ފުރުސަތެއް މިނިސްޓްރީން ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ށަކުވާ ރައްދުވާ ފަރާތުން ޖަވާބުދީފައި ނުވާނަމަ، އެ ފަރާތުން އެ ފުރުސަތު ދޫކޮށްލީކަމުގައި ބެލެވޭނެއެވެ.

(ރ) ށަކުވާ ހުށަހެޅި ދުވަހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ށަކުވާއާ ގުޅިގެން ހުށަހަޅައިފައިވާ ކަންކަމަށް ބެލުމަށްފަހު، އެ ށަކުވާއާ ގުޅިގެން މިނިސްޓްރީން ގޮތެއް ނިންމަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން މިނިސްޓްރީން ނިންމާ ނިންމުން، ށަކުވާ ހުށަހެޅި ފަރާތަށާއި ށަކުވާ ރައްދުވާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގެ ދަށުން މިނިސްޓްރީން ނިންމާ ނިންމުމާމެދު ށަކުވާ ހުށަހަޅާ ފަރާތާއި އެ ށަކުވާ ރައްދުވާ ފަރާތުން ހިތްހަމަ ނުޖެހުމެއްވާނަމަ، އެ ނިންމުން ލިބުނު ދުވަހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ނިންމުން މުރާ ޖާކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

41 ވަނަ މާއްދާ - ޖޫރިމަނާކުރުމާއި ފިޔަވަޅުއެޅުން

(ހ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސަކާ ގުޅިގެން ށަކުވާއެއް ލިބިއްޖެނަމަ، އެ ފަރާތަކާމެދު ހުށަހަޅައިފައިވާ ށަކުވާގައި ބަޔާންކޮށްފައިވާ އެ ފަރާތަކުން ކޮށްފައިވާ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސެއް ދޫކުރުމުގައި ފުރިހަމަވާންޖެހޭ ށަރުތެއް އެ ލައިސަންސް ލިބިފައިވާ ފަރާތެއްގެ ކިބައިން އުނިވެއްޖެނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލު ކުރެވޭނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަން ސެއްގެ މުއްދަތު ހަމަވުމުގެ ކުރިން މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތީން އެ ލައިސަންސެއް އައުކޮށްފައި ނުވާނަމަ، އެ ލައިސަން ސެއްގެ މުއްދަތު ހަމަވުމުން، އެ ލައިސަން ސެއް ބާތިލުވީއެވެ.

(ރ) މި ގަވާއިދާ ހިލާފަށް ޓެކްސީގެ ހިދުމަތް ދިނުމަކީ ކުށެކެވެ. މިފަދަ ކުށެއް ކުރާ ފަރާތެއްގެ އަދަބަކީ، ފުރަތަމަ ފަހަރު ނަމަ، 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމެވެ. ދެވަނަ ފަހަރު ނަމަ، 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. ތިންވަނަ ފަހަރު ނަމަ 1،000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި އިތުރަށް އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ، ކުށުގެ ބާވަތަށް ބަލައި، އެ ފަރާތެއްގެ ޓެކްސީގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުކުރުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

ނުވަވަނަ ބާބު

އެހެނިހެން

 

42 ވަނަ މާއްދާ - ކުރިން ރަޖިސްޓަރީ ކޮށްފައިވާ ސެންޓަރުތަކާއި އުޅަނދުތަކާއި ޑްރައިވަރުން

މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ކުރިން ރަޖިސްޓަރީކޮށްފައިވާ ޓެކްސީ ސެންޓަރުތަކާއި، ޓެކްސީކުރުމުގެ ހުއްދަ ލިބިފައިވާ އުޅަނދުތަކާއި، ޓެކްސީ ޑްރައިވަރ ލައިސަންސް ލިބިފައިވާ ފަރާތްތަކަކީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވެފައިވާ އަދި ލައިސަންސް ދޫކުރެވިފައިވާ ފަރާތްތަކެއް ކަމުގައި ބެލެވޭނެއެވެ.

 

43 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ގަވާއިދު ނަންބަރު 2013-1475 (ޓެކްސީ ގަވާއިދު) އާއި، ގަވާއިދު ނަންބަރު 2015-93 (ސައިކަލް ޓެކްސީގެ ގަވާއިދު) އުވުނީއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 2 (ދޭއް) ގަވާއިދު ބާތިލުވި ނަމަވެސް، އެ ގަވާއިދުތަކުގެ ދަށުން ދޫކޮށްފައިވާ ޓެކްސީ ލައިސަންސްތައް، އެ ލައިސަންސްތަކުގެ މުއްދަތު ހަމަވުމާ ހަމަޔަށް ގަބޫލުކުރެވޭނެއެވެ.

 

44 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

45 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް އެ ވަގުތަކު ސަރުކާރުން ހަމަޖައްސައިފައިވާ ވުޒާރާއަށެވެ.

(ށ) "އެއްގަމު ދަތުރުފަތުރުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އަށެވެ.

(ނ) "ފުލުހުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-05 (ފުލުހުންގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން ގާއިމުކޮށްފައިވާ މުއައްސަސާއަށެވެ.

(ރ) "ޓެކްސީ ސެންޓަރ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގައިބަޔާންކޮށްފައިވާ، ލައިސަންސް ލިބިގެން ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކަށެވެ.

(ބ) "ޓެކްސީ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ލައިސަންސް ލިބިގެން ފަސިންޖަރުންނާއި ލުއި ދާގީނާ އުފުލުމަށް ކަނޑައެޅިފައިވާ އަގެއް ދިނުމާއެކު އެއް ތަނުން އަނެއް ތަނަށް ފަސިންޖަރުންނާއި ލުއި ދާގީނާ އުފުލުމަށް ދުއްވާ އުޅަނދުފަހަރަށެވެ.

(ޅ) "ސައިކަލް" މި ބަސް ބޭނުންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގައި މޮޓޯ ސައިކަލް އެ ލަފުޒުބޭނުންކޮށްފައިވާ މާނައިގައެވެ.

(ކ) "ށާއިއުކުރުން" މި ބަސް ބޭނުންކޮށްފައިވަނީ، އާންމުންނަށް ފަސޭހައިން ފެންނާނޭ ގޮތަކަށް މައުލޫމާތު ހާމަކުރުމުގެ މާނައިގައެވެ.

(އ) "ސަލާމަތްތެރިކަމާއެކު ނުގެންދެވޭނެ މީހަކު" މި ބަސް ބޭނުންކޮށްފައި އެވަނީ، އެ މީހެއްގެ ކިބައިގައި ހުރި ނަފްސާނީ ނުވަތަ ޖިސްމާނީ ބައްޔެއްގެ ސަބަބުން އެ މީހަކަށް ސަލާމަތްތެރިކަމާއެކު ފަސިންޖަރެއްގެ ގޮތުގައި އިށީނދެގެންނީނދެވޭނެ ފަދަ މީހުންގެ މާނައިގައެވެ. މިސާލު: ފުޓްރެސްޓާ ހަމަ ޔަށް ފައި ނުފޯރާ މީހުން، މަސްތުގެ ހާލަތުގައި ތިބި މީހުން.

(ވ) ދަތުރެއް ކޮށްދިނުމަށް އިންކާރުކުރެވޭ ހާލަތުގައި "އެކަށީގެންވާ ސަބަބު" ބޭނުންކޮށްފައި އެވަނީ، އެ ފަސިންޖަރަކަށް އަދި/ ނުވަތަ ޑްރައިވަރަށް އަދި/ނުވަތަ މަގުމަތީގައި ތިބި މީހުންނަށް ނުރައްކާވެދާނެ ފަދަ ހާލަތެއް ދިމާވެދާނެކަމަށް އެކަށީގެންވާ މިންގަނޑުން ވަޒަންކުރެވޭ ހާލަތުގައެވެ.

(މ) "ރޯޑްވަރދިނަސް" ކަމަށް ބުނެފައި އެވަނީ، މަގުމަތީގައި ދުއްވުމަށް އެކަށީގެންވާ އުޅަނދެއްކަމަށް ފެތޭތޯ ކަނޑައަޅާ މިންގަނޑަށެވެ.

(ފ) "ތާރޑް ޕާޓީ އިންށުއަރެންސް" ކަމަށް ބުނެފައި އެވަނީ، ތިމާގެ އުޅަނދަކުން އަނެކާއަށް ނުވަތަ އަނެކާގެ އުޅަނދަކަށް ނުވަތަ ތަންނަށާއި މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ދެވޭގޮތަށް ކޮށްފައި ހުންނަ އިންށުއަރެންސަށެވެ.

(ދ) "ޓެކްސީ ޑްރައިވަރުން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ޓެކްސީ ޑްރައިވަރުކަމުގެ ލައިސަންސް ލިބިފައިވާ އަދި އެ ލައިސަންސްގެ މުއްދަތު ހަމަނުވާ ފަރާތަކަށެވެ.

(ތ) "އެއްގަމު އުޅަނދު" ކަމަށް ބުނެފައި އެވަނީ، މީހުން އުފުލުމަށާއި، މުދާ އުފުލުމަށާއި، މީހުންނާއި މުދާ އުފުލުމަށާއި، ތަފާތު އާންމު ހިދުމަތް ދިނުމުގެ ގޮތުން އެއްގަމުގައި ދުއްވުމަށް ނުވަތަ ތަކެތި ގެންދިޔުމަށް ނުވަތަ ދަތުރުކުރުމަށް އުފައްދައިފައި ހުންނަ އުޅަނދަށެވެ.

(ލ) "ޓެކްސީ ސްޓޮޕް" ކަމަށް ބުނެފައި އެވަނީ، މީހުން އަރުވައި ބޭލުމަށް ޓެކްސީ ހުއްޓާ ތަން ނުވަތަ ސަރަހައްދު އަންގައިދޭ ބޯޑު ހަރުކޮށްފައިވާ ތަނަކަށެވެ. 

 

ޖަދުވަލު 1

 

 

 

ޖަދުވަލު 2 

 

 

ޖަދުވަލު 3 

 

 

ޖަދުވަލު 4 

 

 

 

 

ޖަދުވަލު 5 

ޕްރައިވެޓްހަޔަރގެ ހުއްދައިގެ ސްޓިކަރ

 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓެކްސީ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-132)

 

އުވި ގަވާއިދު

  1. ސައިކަލް ޓެކްސީ ގެ ގަވާއިދު (ގަވާއިދު ނަންބަރު 2016-93)
  2. ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 2013-1475)

 

މައި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު