-

(މި ގާނޫނު ވަނީ ގާނޫނު ނަންބަރ 5/2009 ގެ 68 ވަނަ މާއްދާއިން އުވާލެވިފައި)

އެއްގަމުގައި ދުއްވާ އެއްޗެއްސާ ބެހޭ ގާނޫނު 

(ގާނޫނު ނަންބަރު 1995-07) 

 

1 ވަނަ މާއްދާ - ނަން

މި ގާނޫނަކީ، ދިވެހިރާއްޖޭގެ އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި އިންޖީނު ނުލާ އެއްޗެއްސާއި، އެތަކެތި ދުއްވުމާބެހޭ ގާނޫނެވެ. މިގާނޫނަށް ކިޔާނީ، '' އެއްގަމުގައި ދުއްވާ އެއްޗެއްސާ ބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ހިންގާފަރާތް

 މިގާނޫނުގައިވާ ކަންތައްތައް ބަލަހައްޓައި އަދި އެކަންކަމާބެހޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ބަލަހައްޓައި އަދި އެކަންކަމާބެހޭ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުންނެވެ.

 

3 ވަނަ މާއްދާ - އެއްގަމުގައިދުއްވާ އެއްޗެހި ގެންގުޅުމާއި ބޭނުން ކުރުމާއި ދުއްވުން

ދިވެހިރާއްޖޭގައި އެއްގަމުގައި ދުއްވާ އެއްޗެހި ގެންގުޅެންވާނީ ނުވަތަ ބޭނުން ކުރަންވާނީ، ނުވަތަ ދުއްވަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުންހެދޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

4 ވަނަ މާއްދާ - ގާނޫނުން އިސްތިސްނާ ކުރާ އެއްޗެހި

(ހ) ހަމައެކަނި އަސްކަރީ ބޭނުމަށް ހަދާފައި ހުންނަ އެއްޗެހި މި ގާނޫނުން އިސްތިސްނާ ވާނެއެވެ. އަދި އަސްކަރީ ބޭނުމަށާއި، އެނޫން ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ހަދާފައި ހުންނަ އެއްޗެހި ހަމައެކަނި އަސްކަރީ ބޭނުމުގައި ދުއްވާ ދުއްވުން މި ގާނޫނުން އިސްތިސްނާ ވާނެއެވެ.

(ށ) ވަކި ކަންކަމަށް ހާއްސަ ކޮށްފައިވާ ސަރަހައްދު ތަކުގައި އެ ކަންކަމާ ގުޅޭގޮތުން ދުއްވުމަށް ހާއްސަ ކުރެވިފައި ހުންނަ އެއްޗެހި މި ގާނޫނުން އިސްތިސްނާ ކުރުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ލިބިގެން ވެއެވެ. އާންމުކޮށް މީހުންނާއި ތަކެތި އުފުލަން ބޭނުންކުރާ އެއްޗެހި މިފަދަ ސަރަހައްދެއްގައި ދުއްވި ކަމުގައި ވިޔަސް، މި ގާނޫނުން އިސްތިސްނާއެއް ނުކުރެވޭނެއެވެ.

(ނ) އެއްގަމުގައި ދުއްވާ އެއްޗެހީގެ ތެރެއިން އަލިފާން ނިއްވުމަށް ބޭނުންކުރާ އެއްޗެއްސާއި، އެމްބިއުލެންސާއި، މިނޫން ވެސް ހާއްސަ ކަންކަމަށް ބޭނުންކުރާ އެއްޗެހި އެފަދަ ކަމެއްގައި ދުއްވާ ދުއްވުމާއި ހާއްސަ ހާލަތްތަކުގައި ދުއްވާ އެއްޗެހި އެފަދަ ހާލަތްތަކުގައި ދުއްވާ ދުއްވުން މި ގާނޫނުން އިސްތިސްނާ ކުރުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންނަށް ލިބިގެން ވެއެވެ.

 

5 ވަނަ މާއްދާ - ރަޖިސްޓަރީ ކުރުން

އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި މަގުމަތީގައި ދުއްވަން ވާނީ، މި ގާނޫނު ގައިވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުގައި ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގައި ރަޖިސްޓަރީ ކޮށްގެންނެވެ.

 

6 ވަނަ މާއްދާ - ރަޖިސްޓަރީ ކުރުމަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތައް

އެއްގަަމުގައި ދުއްވާ އިންޖީނުލީ އެއްޗެއް ރަޖިސްޓަރީ ކޮށްދެވޭނީ ތިރީގައި މިވާ ކަންތައްތައް ފުރިހަމަ ކުރުމުންނެވެ. ތިރީގައި މިވާ ގޮތުގެ މަތިން ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅައި ދައްކަންޖެހޭ ފީ އާއި ސްޓޭމްޕް ދައްކައި ހަދާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށެވެ.

(ހ) އެއްޗެއް ރަޖިސްޓަރީ ކޮށްދިނުން އެދި އެ އެއްޗެއްގެ ވެރިފަރާތުން ލިޔުމަކުން ހުށަހެޅުން.

(ށ) މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދު ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކުރަން އެދޭ މީހާ އާއި ނުވަތަ ތަނާ ބެހޭ މައުލޫމާތު ހުށަހެޅުން.

(ނ) ގާނޫނު ނަންބަރު 4/1970 ޖ. (އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު) ގައިވާ ގޮތުގެމަތިން ސްޓޭމްޕް ދެއްކުން.

(ރ) މި ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަނޑައެޅޭ ރަޖިސްޓްރޭށަން ފީދެއްކުން.

(ބ) ރަޖިސްޓަރީ ކުރަންއެދޭ އެއްޗަކާ ބެހޭގޮތުން ގަވާއިދުގައި ބަޔާން ކޮށްފައިވާ މައުލޫމާތު ހުށަހެޅުން.

(ޅ) ރަޖިސްޓަރީ ކުރަންއެދޭ އެއްޗަކީ،މި ގާނޫނުގެ 14 ވަނަ މާއްދާގައި ބުނާ ޓެސްޓްކޮށް ފާސްވެފައިވާ އެއްޗަކަށްވުން.

(ކ) މި ގާނޫނުގެ 17 ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން އެ އެއްޗެއްގެ އަހަރީ ފީ ދެއްކުން.

(އ) މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީ ބާތިލު ކޮށްފައިވާ އެއްޗެއް އަލުން ރަޖިސްޓަރީ ކުރާކަމުގައިވާ ނަމަ، މި ގާނޫނުގެ 14 ވަނަ މާއްދާގައި ބުނާ ޓެސްޓް ކުރުން.

(ވ) މި ގާނޫނުގެ 12 ވަނަ މާއްދާގެ (ރ) ގެ ދަށުން ރަޖިސްޓަރީ ބާތިލު ކުރެވިފައިވާ އެއްޗެއް އަލުން ރަޖިސްޓަރީ ކުރާނަމަ އެ އެއްޗެއްގެ ރަޖިސްޓަރީ ބާތިލުކުރި ދުވަހާ ހަމަޔަށް ދައްކަން ޖެހޭ ފީ އާއި ޖޫރިމަނާއަށްވާ ފައިސާ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ދައްކައި ނިންމުން.

 

7 ވަނަ މާއްދާ - އުމުރުން 16 އަހަރު ނުފުރޭ ކުއްޖަކަށް ރަޖިސްޓަރީ ކޮށް ކޮށްދެވޭގޮތް

މި ގާނޫނުގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކުރަންޖެހޭ އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއް މީލާދީގޮތުން އުމުރުން 16 އަހަރު ނުފުރޭ ކުއްޖަކަށް ރަޖިސްޓަރީ ކޮށްދެވޭނީ އެ އެއްޗަކަށާއި، އެ އެއްޗަކާ ގުޅިގެން ދައްކަންޖެހޭ ފީއާއި، އަދި ޖޫރިމަނާއެއް ކުރެވިއްޖެ ނަމަ، އެ ޖޫރިމަނާއާއި، އަދި މި ނޫނަސް އެ އެއްޗަކާ ގުޅޭ ހުރިހާ ކަމެއްގައި އެ ކުއްޖެއްގެ ބައްޕަ ނުވަތަ މަންމަ ނުވަތަ ބަދަލުވެރިޔަކު ޒިންމާ ވާނެކަން، އެ މީހަކު ލިޔުމަކުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ހުށަހެޅުމުންނެވެ.

 

8 ވަނަ މާއްދާ - ރަޖިސްޓްރޭށަން ފީ

މި ގާނޫނުގައިވާ ގޮތުގެ މަތިން ރަޖިސްޓަރީކޮށްދެޭ ކޮންމެ އެއްޗަކަށް މި ގާނޫނުގެ ތާވަލުގައިވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ނުވަތަ އެމިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ރަޖިސްޓްރޭށަން ފީ ދައްކަން ވާނެއެވެ.

 

9 ވަނަ މާއްދާ - ރަޖިސްޓަރީ ކުރެވޭ އެއްޗެހީގައި ނަންބަރާއި ނިށާން ޖެހުން

(ހ) މި މާއްދާގެ (ރ) ގައިވާ ތަކެތި ފިޔަވައި، މި ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވޭ ކޮންމެ އެއްޗެއްގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން ކަނޑައަޅާ ނަންބަރެއް މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެ މަތިން ހަރުކޮށްފައި ހުންނަންވާނެއެވެ.

(ށ) ވަކި ނަންބަރެއް ބޭނުންވާ މީހަކަށް 5،000 ރުފިޔާ އަށްވުރެ ބޮޑުނުވާ ގޮތެއްގެ މަތިން ނަންބަރު ވިއްކުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ލިބިގެން ވެއެވެ.

(ނ) މިމާއްދާގެ (ރ) ގައިވާ ތަކެތި ފިޔަވައި، މި ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވޭ ކޮންމެ އެއްޗެއްގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން ދޫކުރާ ނިށާނެއް މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެ މަތިން ހަރުކޮށްފައި ހުންނަން ވާނެއެވެ. މި ގޮތުން އެ މިނިސްޓްރީން ދޫކުރާ ނިށާން ހަލާކުވެގެން ނުވަތަ ގެއްލިގެން ނިށާނެއް ދޫކުރަން ވެއްޖެނަމަ، 10 ރުފިޔާ އާއި 30 ރުފިޔާ އާ ދެމެދުގެ އަގެއް ނެގޭނެއެވެ.

(ރ) ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ބޭނުމަށް ބޭނުންކުރާ އެއްގަމުގައި ދުއްވާ އެއްޗެހީގައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން ދޫކުރާ ނަންބަރުގެ ބަދަލުގައި ދައުލަތުގެ ނިށާން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނިށާން ބޭނުން ކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެން ވެއެވެ.

 

10 ވަނަ މާއްދާ - ރަޖިސްޓަރީ އާކުރުން

ރަޖިސްޓަރީ ކޮށްފައިވާ އެއްޗެއްގެ ރަޖިސްޓަރީ ގެއްލިގެން ނުވަތަ ހަލާކުވެގެން އަލުން ރަޖިސްޓަރީ ހަދައިދެވޭނީ އެ އެއްޗެއްގެ ވެރިފަރާތުން އެކަން ސިޓީއަކުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ހުށަހެޅުމުން އެ މައްސަލަ އެ މިނިސްޓްރީގެ ފަރާތުން ބަލައި މިގާނޫނުގެ ތާވަލުގައިވާ ގޮތުގެމަތިން ހިދްމަތުގެ އަގެއް ނެގުމަށްފަހުގައެވެ.

 

11 ވަނަ މާއްދާ - ރަޖިސްޓަރީ ބަދަލުކުރުން

(ހ) މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުގައި ރަޖިސްޓަރީ ކޮށްފައިވާ އެއްޗެއް މީހަކު ގެންފިނަމަ ނުވަތަ ދީފިނަމަ ގަތްމީހާ ނުވަތަ ލިބުނު މީހާގެ މައްޗަށް ރަޖިސްޓަރީ ބަދަލުކުރަން 15 ދުވަހުގެ ތެރޭގައި އެ އެއްޗެއް ގަތްމީހާ ނުވަތަ ލިބުނު މީހާގެ ފަރާތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ހުށަހަޅަން ވާނެއެވެ. މިގޮތުން ގަންނަ އެއްޗެއް ނުވަތަ ލިބޭއެއްޗެއް މަގުމަތީގައި ދުއްވަން ވާނީ ގަންނަމީހާ ނުވަތަ ލިބޭމީހާގެ ނަމުގައި ރަޖިސްޓަރީ ކުރުމަށް ފަހުގައެވެ. ރަޖިސްޓަރީ ބަދަލުވަންދެން އެ އެއްޗަކާ ބެހޭ ގޮތުން ހިނގާ މައްސަލަތަކުގައި ޒިންމާ އުފުލަންޖެހޭނީ އެ އެއްޗެއްގެ ރަޖިސްޓަރީ އޮތް ފަރާތަކުންނެވެ.

(ށ) ރަޖިސްޓަރީ ކޮށްފައިވާ އެއްޗެއްގެ ވެރިމީހާ މަރުވެއްޖެނަމަ، އެ އެއްޗެއްގެ ރަޖިސްޓަރީ ބަދަލު ކުރެވޭނީ ށަރީއަތުން އެ އެއްޗެއް ލިބިދޭ މީހަކަށެވެ. ށަރީއަތުން އެ އެއްޗެއްގެ މައްސަލަ ނިމުމުގެ ކުރީގައި އެ އެއްޗެއް ދުއްވާ ނަމަ، ދުއްވަންވާނީ އެ އެއްޗަކާ ބެހޭ ގޮތުންޖެހޭ މައްސަލަ ތަކުގައި ޒިންމާ އުފުލާނެ މީހަކު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުގައި ރަޖިސްޓަރީ ކުރުމަށް ފަހުގައެވެ.

 

12 ވަނަ މާއްދާ - ރަޖިސްޓަރީ ބާތިލު ކުރުން

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ އެއްޗެއްގެ ރަޖިސްޓަރީ ބާތިލު ކުރަން އެ އެއްޗެއްގެ ވެރިފަރާތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް، ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިޔުމަކުން ހުށަހެޅުމުން ރަޖިސްޓަރީ ބާތިލު ކޮށްދެވޭނެ އެވެ.

(ށ) ރަޖިސްޓަރީ ކޮށްފައިވާ އެއްޗެއް ރަޖިސްޓަރީ ބާތިލު ކޮށްދެވޭނީ އެ ރަޖިސްޓަރީ ބާތިލުކުރަން ހުށަހަޅާ ދުވަހަކާ ހަމައަށް މި ގާނޫނުގައިވާ ގޮތުގެ މަތިން އެ އެއްޗަކަށް ދައްކަންޖެހޭ ފައިސާއެއްވާނަމަ އެ ފައިސާއެއް ދައްކައި ނިންމުމުންނެވެ.

(ނ) އެއްޗެއްގެ އަހަރީ ފީ ދައްކާފައިވަނިކޮށް އެ އެއްޗެއްގެ ރަޖިސްޓަރީ ބާތިލުކުރަން ޖެހިއްޖެނަމަ، އަހަރު ދުވަހަށް ދައްކާފައިވާ ފީގެ ތެރެއިން އަހަރުގެ ބާކީއޮތް ބަޔަށްވާ ފައިސާ، ރަޖިސްޓަރީ ބާތިލުކުރުމުން އަނބުރާ ލިބޭނެއެވެ. ނަމަވެސް އަނބުރާ ދޭ ފައިސާގެ ތެރޭގައި ރަޖިސްޓަރީ ބާތިލުކުރި މަހުގެ ބާކީއޮތް ދުވަސްތަކުގެ ފައިސާއެއް ނުހިމެނޭނެ އެވެ.

(ރ) ރަޖިސްޓަރީ ކޮށްފައިވާ އެއްގަމުގައި ދުއްވާ އުޅަނދެއްގެ އަހަރީފީ ދައްކަން، ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ފީ ނުދައްކާ އޮވެ، އަހަރު ހަމަވެއްޖެނަމަ، އެ އެއްޗެއްގެ ރަޖިސްޓަރީ ބާތިލު ކުރެވޭނެ އެވެ. ރަޖިސްޓަރީ ބާތިލުކުރާ އެއްޗެއްސަށް ރަޖިސްޓަރީ ބާތިލުކުރި ދުވަހާ ހަމައަށް ދައްކަންޖެހޭ ފީއާއި ޖޫރިމަނާ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް، ނުވަތަ އެމިނިސްޓްރީ ކަނޑައަޅާ ފަރާތަކަށް ދައްކަން ވާނެއެވެ.

 

13 ވަނަ މާއްދާ - ޓެކްސީ ރަޖިސްޓަރީ ކުރުން

ޓެކްސީގެ ގޮތުގައި ދުއްވާ ކާރާ މީހުން އުފުލަން ދުއްވާ އެހެނިހެން އެއްޗެހި މަގުމަތީގައި ދުއްވަން ވާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުގައި އެ ގޮތަށް ރަޖިސްޓަރީ ކުރުމަށްފަހު، އެ މިނިސްޓްރީން ކަނޑައަޅާ ގަވާއިދަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

14 ވަނަ މާއްދާ - އެއްގަމުގައި ދުއްވާ އެއްޗެހި ޓެސްޓް ކުރުން

މި ގާނޫނުގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކުރަން ނުވަތަ ރަޖިސްޓަރީ އާކުރަން ނުވަތަ ރަޖިސްޓަރީ ބަދަލުކުރަން ހުށަހަޅާ ކޮންމެ އެއްޗެއް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން ކަނޑައަޅާ އުސޫލަކުން ޓެސްޓް ކުރެވޭނެއެވެ. މިގޮތުން ކުރެވޭ ކޮންމެ ޓެސްޓަކަށް އެ އެއްޗެއްގެ އަހަރީ ފީގެ %50 އަށްވުރެ ބޮޑުނޫން އަގެއް ކަނޑައެޅުމުގެ އިހްތިޔާރު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - ރަޖިސްޓަރީ ނުކޮށްއޮތް އެއްޗެއް އެއް ތަނުން އަނެއްް ތަނަށް ގެންދިއުން

ރަޖިސްޓަރީ ނުކޮށް އޮތް އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއް އެއްތަނުން އަނެއް ތަނަށް ގެންދިއުމަށްޓަކައި ދުއްވަންވެއްޖެނަމަ އެ އެއްޗެއް ދުއްވަންވާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ހުއްދަ ހޯދުމަށް ފަހުގައެވެ. މިގޮތަށް ގެންދާ އެއްޗެއްގައި މީހުން އުފުލުމާއި ތަކެތި އުފުލުމަކީ، މަނާ ކަމެކެވެ.

 

16 ވަނަ މާއްދާ - ދިނުމުގެ ނުވަތަ ވިއްކުމުގެ ކުރިން ހުއްދަ ހޯދުން

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުގައި ރަޖިސްޓަރީ ކޮށްފައިވާ އެއްގަމުގައި ދުއްވާ އެއްޗެއް އެހެން ފަރާތަކަށް ދޭންވާނީ ނުވަތަ ވިއްކަން ވާނީ އެ މިނިސްޓްރީން ހުއްދަ ލިބިގެންނެވެ.

 

17 ވަނަ މާއްދާ - އަހަރީ ފީ

ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން އެއްގަމުގައި ދުއްވާ އެއްޗެހިން މި ގާނޫނާ އެކުގައިވާ ތާވަލުގައިވާ ގޮތުގެ މަތިން އަހަރީ ފީ ދައްކަން ވާނެއެވެ.

 

18 ވަނަ މާއްދާ - އަހަރީ ފީ ނެގުމަށްޓަކައި އިންޖީނުގެ ކެޕޭސިޓީއާ އި އުފުލޭ ބަރުދަން ބެލުން

އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހިން އަހަރީ ފީ ނެގުމަށްޓަކައި، އިންޖީނުގެ ކެޕޭސިޓީއާއި އުފުލޭ ބަރުދަން ބަލައި ކަނޑައަޅާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން ނެވެ.

 

19 ވަނަ މާއްދާ - އަހަރީފީ ދެއްކުން

(ހ) މި ގާނޫނުގެ 17 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދައްކަންޖެހޭ، އެއްގަމުގައި ދުއްވާ އެއްޗެހީގެ އަހަރީފީ، ކޮންމެ އަހަރަކުވެސް އެ އެއްޗެއް ރަޖިސްޓަރީކުރި މަސް ހުސްވުމުގެ ކުރިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް، ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ދައްކައި ނިންމަން ވާނެއެވެ. އަދި އެ އެއްޗެއް ރަޖިސްޓަރީ ކުރާއިރު އެ އެއްޗެއް ރަޖިސްޓަރީކުރާ މަހުން ފެށިގެން ކުރިޔަށް އޮންނަ އަހަރަށް އެއްފަހަރާ އަހަރީ ފީ ދައްކަން ވާނެއެވެ. މިގޮތަށް ފީ ދައްކާއިރު، މަސްދުވަހުގެ ބައެއް ބަލާނީ ފުރިހަމަ މަހެއްގެ ގޮތުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އަހަރީ ފީ ނުދައްކައިފި ނަމަ، ދެން އެ ފީ ބަލައިގަނެވޭނީ އެ އަހަރެއްގެ ފީއާއެކު، އެ އެއްޗަކަށް ކަނޑައެޅިފައިވާ އަހަރީ ފީން މަހަކަށް ޖެހޭ އަދަދުގެ ޖޫރިމަނާއަކާ އެކުގައެވެ. އަދި އަހަރީ ފީ ނުދައްކާ ހިނގާފައިވާ ކޮންމެ މަހަކަށް ނުވަތަ މަހެއްގެ ބަޔަކަށްވިޔަށް އެ އެއްޗެއްގެ އަހަރީ ފީން މަހަކަށް ޖެހޭވަރު ޖޫރިމަނާގެ ތެރެއަށް އިތުރު ކުރެވޭނެއެވެ.

(ނ) 1 ޖަނަވަރީ 1998 ގެ ކުރިން ރަޖިސްޓަރީ ކޮށްފައިވާ، އެއްގަމުގައި ދުއްވާ އެއްޗެހީގެ އަހަރީ ފީ، 1988 ވަނަ އަހަރު ދައްކާނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

 

20 ވަނަ މާއްދާ - އަހަރީ ފީ ނުދައްކައި ދުއްވުން މަނާވުން

އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި އަހަރީ ފީ ނުދައްކައި މަގުމަތީގައި ދުއްވުމަކީ މަނާ ކަމެކެވެ.

 

21 ވަނަ މާއްދާ - ލައިސަންސް ނެގުން

މި ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ ފަދައިން އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި ދުއްވަން ދަސްކުރަން ދުއްވާ ދުއްވުން ފިޔަވައި އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި މަގުމަތީގައި ދުއްވަން ވާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން ކަނޑައަޅާ ގަވާއިދެއްގެ ދަށުން އެ އެއްޗެއް ދުއްވުމުގެ ލައިސަންސް ނަގައި ގެންނެވެ.

 

22 ވަނަ މާއްދާ - ލައިސަންސް ދޫކުރުން

(ހ) އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި ދުއްވުމުގެ ލައިސަންސް ދޫކުރާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން ކަނޑައަޅާ ގަވާއިދެއްގެ ދަށުން ޓެސްޓެއްގައި ބައިވެރިވެ އެ ޓެސްޓުން ފާސްވާ މީހުންނަށެވެ.

(ށ) އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި ދުއްވުމުގެ ލައިސަންސް ދޫކުރާނީ މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިހަމަ ވެފައިވާ މީހުންނަށެވެ.

 

23 ވަނަ މާއްދާ - ދުއްވަންދަސްކުރުން

އިންޖީނުލީ އެއްޗެއް ދުއްވަން ދަސްކުރަން ދުއްވަން ވާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން ކަނޑައަޅާ ނަމޫނާއާ އެއްގޮތަށް ހުދު ބޯޑެއްގައި “L” ރަތްއަކުރުން ލިޔެ އެ އެއްޗެއްގެ ކުރީގައްޔާއި ފަހަތުގައި ހަރުކޮށްގެންނެވެ. ދުއްވަން ދަސްކުރަން ދުއްވާ މީހާއާއެކު، އެ އެއްޗެއް ދުއްވުމުގެ ލައިސަންސް އޮތްމީހަކު އިންނަން ވާނެއެވެ. މި ދެމީހުންނަށްވުރެ އިތުރުން އެހެންމީހަކު އިނދެގެން ނުވާނެއެވެ.

 

24 ވަނަ މާއްދާ

އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި ދުއްވަން ދަސްކުރަން ދުއްވުމަށް ހުއްދަކުރާ ސަރަހައްދު ކަނޑައެޅުމާއި ދުއްވަން ދަސްކުރަން ދުއްވުމާބެހޭ ގަވާއިދުތައް ހަދާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުންނެވެ.

 

25ވަނަ މާއްދާ - ލައިސަންސް ހޯދުމުގެ ޓެސްޓުގައި ބައިވެރިވުމުގެ ފީ

އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި ދުއްވުމުގެ ލައިސަންސް ދޫކުރުމަށް ދެވޭ ޓެސްޓުގައި ބައިވެރި ވުމަށް މި ގާނޫނުގެ ތާވަލުގައި ބަޔާން ކޮށްފައިވާ ފީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ދައްކަން ވާނެއެވެ.

 

26- ވަނަ މާއްދާ - ދުއްވުމުގެ ލައިސަންސް ހިފައިގެން އުޅުން

އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއް ދުއްވާއިރު، އެ އެއްޗެއް ދުއްވާ މީހާ އަށް ދޫކުރެވިފައިވާ ލައިސަންސް ފޮތް ނުވަތަ ލައިސަންސް ކާޑު އެމީހާގެ އަތުގައި ނުވަތަ އެ އެއްޗެއްގެ ތެރޭގައި އޮންނަން ވާނެއެވެ. އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން ޓްރެފިކްގެ ކަންތައްތައް ބެލެހެއްޓުމާ ހަވާލު ކޮށްފައިވާ މީހަކު ނުވަތަ ބަޔަކު ސުވާލުކޮށްފިނަމަ، ލައިސަންސް ފޮތް ނުވަތަ ކާޑު ދައްކަން ވާނެއެވެ.

 

27 ވަނަ މާއްދާ - މަގުގެ ވާތް ފަރާތުން ދުއްވުން

މަގުމަތީގައި ދުއްވާ ހުރިހާ އެއްޗެއް ވެސް ދުއްވަން ވާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން މަގުގެ ވާތްފަރާތުންނެވެ.

 

28 ވަނަ މާއްދާ - ލޮލުގެ ފެނުން ކަނޑައެޅިފައިވާ މިންވަރަށް ނެތި އެއްޗެހި ނުދުއްވުން

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން ކަނޑައަޅާ މިންވަރަށް އެމީހެއްގެ ލޮލުގެ ފެނުމުގެ މިންވަރުނެތި އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި މަގުމަތީގާއި ދުއްވުމަކީ މަނާކަމެކެވެ.

 

29 ވަނަ މާއްދާ - ބަލި ހާލަށްޓަކައި އިންޖީނުލީ އެއްޗެހި ދުއްވުން މަނާކުރުން

އެ މީހެއްގެ ބަލި ހާލު ހުރިގޮތުން އެއްގަމުގައި ދުއްވާ އެއްޗެހި ދުއްވުމަކީ އެ މީހަކަށާއި އެހެން މީހުންނަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޑޮކްޓަރަކު ލަފާދޭ މީހުން އެއްގަމުގައި ދުއްވާ އެއްޗެހި ދުއްވުން މަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ލިބިގެންވެއެވެ.

 

30 ވަނަ މާއްދާ - ސްޕީޑް

އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި ދުއްވަން ގަވާއިދުގައި ކަނޑައެޅިފައިވާ ވަރަށްވުރެ ބާރަށް އެފަދަ އެއްޗެހި ދުއްވުމަކީ މަނާ ކަމެކެވެ.

 

31 ވަނަ މާއްދާ - ބައްތި ދިއްލުން

(ހ) އަތްގާޑިޔަލާއި، އެކިއެކި ބޭނުމަށް މަގުމަތީގައި ދަމާ ނުވަތަ ދުއްވާ ހަރުގަނޑާއި، އަދި ބައިސްކަލް ހަވީރު 6.00 ން ފެށިގެން ހެނދުނު 6.00 އާ ދޭތެރޭގައި މަގުމަތީގައި ދުއްވަން ވާނީ ނުވަތަ ދަމަންވާނީ ކުރިއަށް ހުދުއަލި ފެންނަ ގޮތަށް ދިއްލާފައި ހުންނަ ޑައިނަމޯއެއް ނުވަތަ ބައްތިއެއް ހަރުކޮށްގެންނެވެ.

(ށ) އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި ހަވީރު 6.00 ން ފެށިގެން ހެނދުނު 6.00 އާ ދޭތެރޭގައި މަގުމަތީގައި ދުއްވަން ވާނީ އެ އެއްޗެއްގެ ހެޑްލައިޓް ދިއްލައިގެންނެވެ. އަދި ދެފުުރޮޅުލީ އެއްޗެއް ނަމަ ހެޑްލައިޓްގެ އިތުރަށް އެންމެ މަދުވެގެން ފަހަތުގައި ރަތް ބައްތިއެއް ހަތަރު ފުރޮޅުލީ އެއްޗެއްނަމަ ހެޑްލައިޓްގެ އިތުރަށް އެންމެ މަދުވެގެން ކުރީ ދެ ފަރާތުގައި ހުދު ދެ ބައްތިއާއި ފަހަތު ދެ ފަރާތުގައި ރަތް ދެ ބައްތި ދިއްލައިގެންެނެވެ.

 

32 ވަނަ މާއްދާ - ބަރުގޮނު އެޅުން

އެއްގަމުގައި ދުއްވާ އެއްޗެހީގެ ބަރުގޮނު އަޅަންވާނީ އަދި ބަރުގޮނުގެ އަޑު ހުންނަންވާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން ކަނޑައަޅާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

33 ވަނަ މާއްދާ - ޓްރެފިކް ސައިން ބޯޑުތަކަށް އަމަލު ކުރުން

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސްގެ ފަރާތުން މަގުމަތީގައި ބަހައްޓާފައި ހުންނަ ޓްރެފިކް ސައިން ބޯޑު ތަކުން އަންގައިދޭ އެންގުންތަކާ ހިލާފަށް މަގުމަތީގައި އެއްޗެހި ދުއްވުމާއި އަތުން ހިފައިގެން ދިއުމާއި ޕާކްކޮށް ހެދުމަކީ މަނާ ކަމެކެވެ.

 

34 ވަނަ މާއްދާ - ދުއްވާ އެއްޗެހި ޕާކްކުރުމާއި މަޑުކުރުން މަނާ ތަންތަނާއި ވަގުތު ކަނޑައެޅުން

އެއްގަމުގައި ދުއްވާ އެއްޗެހި މަގުމަތީގައި ޕާކްކުރުން މަނާ ތަންތަނާއި މަޑުކުރުން މަނާ ތަންތަނާއި މަނާ ވަގުތުތައް މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދެއްގެ ދަށުން ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ލިބިގެން ވެއެވެ.

 

35 ވަނަ މާއްދާ - އެއްކޮޅަށް ދުއްވާ މަގުތައް ކަނޑައެޅުމާއި، ދުއްވާ އެއްޗެހި ވަނުން ނުވަތަ ޕާކް ކުރުން މަނާ މަގުތައް ކަނޑައެޅުމާއި މަގު ބަންދުކުރުން

(ހ) އެއްކޮޅަށް ދުއްވާ މަގުތައް ކަނޑައެޅުމާއި، ވަކި ބާވަތްތަކެއްގެ ދުއްވާ އެއްޗެހި ވަނުން ނުވަތަ ޕާކްކުރުން މަނާމަގުތައް ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ލިބިގެންވެއެވެ.

(ށ) އެއްގަމުގައި ދުއްވާ އެއްޗެއްސަށް ވަގުތީގޮތުން މަގު ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި މަގު ބަންދުކުރުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެން ވެއެވެ.

 

36 ވަނަ މާއްދާ - ދެމީހުން އަރައިގެން ދުއްވުން ހުއްދަ އޮންނަ އެއްޗެހި

ދެމީހުން އަރައިގެން ދުއްވާ ގޮތަށް މަޑިހުންނަ އެއްޗެއްސަށް މެނުވީ އަރައިގެން ދުއްވައިގެން ނުވާނެ އެވެ. ދެމީހުންނަށްވުރެ ގިނަ މީހުން އަރައިގެން ދުއްވާ ގޮތަށް މަޑިހުރި ނަމަވެސް ދެމީހުންނަށްވުރެ ގިނަ މީހުން އަރައިގެން ދުއްވައިގެން ނުވާނެ އެވެ.

 

37 ވަނަ މާއްދާ - ބޮޑެތި އެއްޗެއްސަށް ތަންދީގެން ދުއްވުން

ބައިސްކަލާއި މޮޓޯސައިކަލް ފަދަ ތަކެތި މަގުމަތީގައި ދުއްވަންވާނީ ކާރު، ލޮރީފަދަ ބޮޑެތި އެއްޗެއްސަށް ކަނާތްފަރާތުން ތަންދީގެންނެވެ. އެއްގަމުގައި ދުއްވާ އެއްޗެހީގެ ތެރޭން ބައިސްކަލް ފިޔަވައި އެހެން އެއްވެސް ދެ އެއްޗެއް ނުވަތަ އެއަށްވުރެ ގިނަ އަދަދެއްގެ އެއްޗެހިތަކެއް މަގުމަތީގައި އެއް ހަމައެއްގައި ދުއްވައިގެން ނުވާނެއެވެ. ބައިސްކަލް ދުއްވުމުގައި ވެސް އެއް ހަމައެއްގައި ދެ ބައިސްކަލަށްވުރެ ގިނައިން މަގުމަތީގައި ދުއްވައިގެން ނުވާނެ އެެވެ.

 

38 ވަނަ މާއްދާ - މަގުހުރަސް ކުރުމަށް ފާހަގަ ކުރެވިފައިވާ ތަންތަނުގެ ކައިރީގައި ބަލަންޖެހޭ ކަންތައްތަކާއި މަނާ ކަންތައްތައް

(ހ) ހިނގާފައި ދާ މީހުން މަގު ހުރަސް ކުރުމަށް ފާހަގަ ކުރެވިސފައިވާ ތަނަކުން މީހަކު ހުރަސް ކުރާނަމަ އެއްޗެހި ދުއްވާ މީހުން މަގުހުރަސް ކުރާމީހުންނަށް ތަން ދޭންވާނެ އެވެ.

(ށ) މަގު ހުރަސްކުރުމަށް ފާހަގަ ކުރެވިފައިވާ ތަނަކާ ދުއްވާ އެއްޗެއް ކައިރިވެފައި ވަނިކޮށް ދުއްވާ އެހެން އެއްޗެއް އެ އެއްޗެއްގެ ކުރިއަރަން އުޅުމަކީ ނުވަތަ އެ އެއްޗެއްގެ ކުރިއަރައިގެން ދިއުމަކީ މަނާ ކަމެކެވެ. އަދި މަގު ހުރަސްކުރަން ދަމާފައިވާ ރޮނގު ކައިރިއަށް އެއްޗެއް ހުއްޓާފައި އޮއްވާވެސް ދުއްވާ އެހެން އެއްޗެއް ކުރިއަރައިގެން ދިއުމަކީ މަނާ ކަމެކެވެ.

 

39 ވަނަ މާއްދާ - ރަޖިސްޓަރީ ކުރަން ނުޖެހޭ ތަކެތި މަގުމަތީގައި ދުއްވުން

މި ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރަން ނުޖެހޭ އެއްޗެއްވެސް މަގުމަތީގައި ދުއްވަންވާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

40 ވަނަ މާއްދާ - އެކަކަށްވުރެ ގިނަ މީހުން އަރައިގެން ބައިސްކަލް ދުއްވުން

އެކަކަށްވުރެ ގިނަމީހުން އެއްބައިސްކަލަކަށް އަރައިގެން ދުއްވުމަކީ މަނާ ކަމެކެވެ. އުމުރުން 6 އަހަރު ނުވާ ކުޑަކުއްޖަކު ކުޑަކުދިން އެރުވުމަށް ބައިސްކަލުގައި ހަރުކޮށްފައި ހުންނަ ގޮނޑިއަށް އަރުވައިގެން ދުއްވުން މީގެ ތެރެއަކު ނުހިމެނެއެވެ.

 

41 ވަނަ މާއްދާ - ކުޑަކުދިން މަގުމަތީގައި ބައިސްކަލް ދުއްވުން

މީލާދީގޮތުން 10 އަހަރު ނުފުރޭ ކުދިން މަގުމަތީގައި ބައިސްކަލް ދުއްވުމަކީ މަނާ ކަމެކެވެ.

 

42 ވަނަ މާއްދާ - ބައިސްކަލާއި އޮޓޯ ސައިކަލާއި މޮޓޯ ސައިކަލްގައި އެއްޗެހި ގެންދިއުން

ބައިސްކަލާއި އޮޓޯ ސައިކަލާއި މޮޓޯ ސައިކަލް ދުއްވާފައި ދާއިރު އެ ދުއްވާފައިދާ އެއްޗަކަށްވުރެ ދިގު އެއްޗެހި ގެންދިއުމަކީ ނުވަތަ އުފުލުމަކީ މަނާ ކަމެކެވެ.

 

43 ވަނަ މާއްދާ - ދުވާރުމަތީގައި އެއްޗެހި ނުދުއްވުން

މީހުން ހިނގުމަށް ހާއްސަ ކުރެވިފައިވާ ދުވާރުމަތީގައި އެއްޗެހި ދުއްވުމަކީ މަނާ ކަމެކެވެ.

 

44 ވަނަ މާއްދާ - ތަކެތި އެރުވުމާއި އުފުލުން

(ހ) އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސަށް ތަކެތި އަރުވަން ވާނީ އެ އެއްޗެއް ދުއްވާފައި ދާއިރު ދުއްވާ މީހާއަށް ކުރިއާއި ފަހަތް ފެންނަ ގޮތަށެވެ. އަދި ސިގްނަލް ދިނުމުން އެ ސިގްނަލް އެހެން މީހުންނަށް ފެންނާނެ ގޮތަށެވެ.

(ށ) އެއްގަމުގައި ދުއްވާ އެއްޗެހީގައި ތަކެތި އުފުލާއިރު އެ އެއްޗަކަށް އަރުވާފައިވާ އެއްޗެއް އެ އެއްޗެއްގެ ކުރިއަށް ނުވަތަ ފަހަތުން ބޭރަށް ނުކުމެފައިވާނަމަ އެ ނުކުމެފައިވާ ކޮޅުގައި 1 ފޫޓުދިގު 6 އިންޗިފުޅާ ދިދައެއް ޖަހަން ވާނެއެވެ. ދުވާލު ތަކެތި އުފުލާނަމަޖަހާނީ ރަތް ދިދައެވެ. ރޭގަނޑު ތަކެތި އުފުލާނަމަ ޖަހާނީ ރީނދޫ ދިދައެކެވެ. ދުއްވާ އެއްޗެއްގެ ދިގުމިނުގެ ދެބަައިކުޅަ އެއްބަޔަށްވުރެ އިތުރަށް އެއްވެސް ހާލެއްގައި ތަކެތި ބޭރަށް ނުކުމެފައި ހުރެގެން ނުވާނެ އެވެ.

(ނ) އެއްގަމުގައި ދުއްވާ އެއްޗެއްސަށް ތަކެތި އަރުވަންވާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން ކަނޑައަޅާ ގަވާއިދު ތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

45 ވަނަ މާއްދާ - މަގުމަތީގައި އެއްޗެހި ދުއްވާ މީހުން ޓްރެފިކް ބަލަހައްޓާ މީހުންނަށް ކިޔަމަންވުން

(ހ) މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން އިހްތިޔާރު ދީގެން ޓްރެފިކްގެ ކަންތައްތައް ބަލަހައްޓަން ނުކުމެތިބޭ ބަޔަކު އަންގާ އެންގުމަށް މަގުމަތީގައި އެއްޗެހި ދުއްވާ މީހުން ކިޔަމަން ވާން ވާނެއެވެ.

(ށ) މަގުމަތީގައި ދުއްވާފައި ދާ އެއްޗަކާ ބެހޭ ގޮތުން ނުވަތަ ދުއްވާ މީހާޔާ ބެހޭގޮތުން އެ އެއްޗެއް ދުއްވަން އިން މީހަކާ ސުވާލުކުރަން ބޭނުންވެއްޖެ ނަމަ މިނިސްޓްރީން އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން އިހްތިޔާރު ދީގެން ޓްރެފިކްގެ ކަންތައްތައް ބަލަހައްޓަން ނުކުމެ ތިބޭ ބަޔަކަށް ސުވާލު ކުރެވިދާނެއެވެ. އަދި އެ އެއްޗެއް ދުއްވާމީހާ މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދާ ހިލާފުވާ ކަމަށް ތުހުމަތު ކުރެވޭ ނަމަ އެ މައްސަލަ ބަލައި ނިމެންދެން ވަގުތުން ލައިސަންސް ފޮތް ނުވަތަ ލައިސަންސް ކާޑު އަތުލެވިދާނެއެވެ.

 

46 ވަނަ މާއްދާ - އެކްސިޑެންޓް

(ހ) އެކްސިޑެންޓެއް ވެފައި އެއްވެސް ފަރާތެއްގެ މައްސަލައެއް އޮތްނަމަ، އެ އެއްޗެއް އެކްސިޑެންޓެއްވީ ގޮތަށް ބާއްވާފައި ވީހާވެސް އަވަހަކަށް މާލޭގައި ނަމަ ފުލުސް އޮފީހަށް ރާއްޖެތެރޭގައި ނަމަ ރަށުއޮފީހަށް އަންގަން ވާނެއެވެ.

(ށ) އެކްސިޑެންޓެއް ވެފައި އެއްވެސް ފަރާތެއްގެ މައްސަލައެއް އޮތްނަމަ އެ އެއްޗެއް އެކްސިޑެންޓްވީ ގޮތަށް ބާއްވާފައި ވީހާވެސް އަވަހަކަށް މާލޭގައި ނަމަ ފުލުސް އޮފީހަށް ރާއްޖެތެރޭގައި ނަމަ އެ ރަށެއްގެ ރަށުއޮފީހަށް 24 ގަޑިއިރުގެ ތެރޭގައި އެކަން އަންގަން ވާނެއެވެ.

 

47 ވަނަ މާއްދާ - އަދަބު

(ހ) ނުރައްކާތެރި ގޮތަކަށް ނުވަތަ ފަރުވާ ކުޑަކޮށް އެއްޗެހި ދުއްވައިގެން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، އިސްލާމީ ށަރީއަތުން ކަނޑައެޅޭ އަދަބުގެ އިތުރަށް އޭނާއަށް ދޫކޮށްފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި ދުއްވުމުގެ ލައިސަންސް 10 އަހަރު ދުވަހުގެ މުއްދަތަށް  ހިފެހެއްޓޭނެ އެވެ.

(ށ) ނުރައްކާތެރި ގޮތަކަށް ނުވަތަ ފަރުވާ ކުޑަކޮށް އެއްޗެހި ދުއްވައިގެން މީހެއްގެ ހަށިގަނޑަށް ލިބޭ ގެއްލުމެއްގެ ސަބަބުން، އިސްލާމީ ށަރީއަތުގައި ދިޔަ ދިނުން ލާޒިމުކުރާ ފަދަ ހާލަތަކާ ކުރިމަތިވެއްޖެނަމަ ކުށްކުރި މީހާގެ އަދަބަކީ، ށަރީއަތުގައި ކަނޑައެޅިފައިވާ ދިޔަ ދިނުމާއި 6 މަސް ދުވަހާއި 2 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އެދެމެދުގެ މުއްދަތަކަށް އަރުވާލުމާއި އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި ދުއްވުމުގެ ލައިސަންސް 3 އަހަރު ދުވަހަށް ހިފެހެއްޓުމެވެ.

(ނ) މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނަޔަށް ގެއްލުމެއް ލިބިދާ ފަދަ ގޮތެއްގައި އެއްޗެއް ދުއްވި މީހެއްގެ އަދަބަކީ، 6 މަސް ދުވަހާއި 1 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އެދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ އެދެމެދުގެ މުއްދަތަކަށް ގޭގައި ބަންދު ކުރުމާއި 1 އަހަރާއި 2 އަހަރާ ދެމެދުގެ މުއްދަތަކަށް ލައިސަންސް ހިފެހެއްޓުމެވެ.

(ރ)  އެކްސިޑެންޓެއް ވުމުން މި ގާނޫނުގެ 46 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރެވިގެންވާ ގޮތުގެ މަތިން ކަމާބެހޭ ފަރާތަށް އެކަން ނާންގާ ހުރި މީހެއްގެ އަދަބަކީ 3 މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދު ކުރުމާއި، 6 މަސްދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ލައިސަންސް ހިފެހެއްޓުމެވެ.

(ބ) ލައިސަންސް ހިފަހައްޓާފައި ވަނިކޮށް އިންޖީނުލީ އެއްޗެއް ދުއްވި މީހެއްގެ އަދަބަކީ، 6 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމާއި ލައިސަންސް ހިފެހެއްޓިފައިވާ މުއްދަތުގެ ތެރެއަށް އެއްއަހަރު ދުވަސް އިތުރު ކުރުމެވެ.

(ޅ) ލައިސަންސް ނުނަގައި އިންޖީނުލީ އެއްޗެއް ދުއްވި މީހެއްގެ އަދަބަކީ، 3 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ 1،500 ރުފިޔާ އިން ޖޫރިމަނާ ކުރުމެވެ.

(ކ) ލައިސަންސް ލިބިފައިވާ މީހަކު، ލައިސަންސް އަތުގައި ނުވަތަ އެ އެއްޗެއްގެ ތެރޭގައި ނެތި އިންޖީނުލީ އެއްޗެއް ދުއްވައިފިނަމަ 100 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ލިބިގެންވެއެވެ.

(އ) އިންޖީނުލީ އެއްޗެހި ދުއްވުމަށް މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކުން ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް އިންޖީނުލީ އެއްޗެއް ދުއްވި މީހަކު 500 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމާއި 6 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އެމީހެއްގެ ލައިސަންސް ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭށަނަށް، ލިބިގެން ވެއެވެ.

(ވ) މި ގާނޫނާ ހިލާފަށް ނުވަތަ މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދަކާ ހިލާފަށް މި މާއްދާގެ (ހ) (ށ) (ނ) (ރ) (ބ) (ޅ) (ކ) (އ) ގައި އަދަބު ކަނޑައެޅިފައިނުވާ ކުށެއް ކޮށްފި މީހަކު، 25 ރުފިޔާ އާއި 1،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ލިބިގެން ވެއެވެ.

 

48 ވަނަ މާއްދާ - ލައިސަންސް ބާތިލުކުރުން

އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި ދުއްވުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދާ ހިލާފު އަމަލުތައް ތަކުރާރުކޮށް ކުރަމުންދާނަމަ އެފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ލިބިގެން ވެއެވެ. މިގޮތުން ލައިސަންސް ބާތިލު ކޮށްފިނަމަ، އެ ލައިސަންސް ބާތިލު ކުރެވިފައިވާ މީހާޔަށް އަލުން ލައިސަންސް ދޫކުރެވޭނީ، އެ ލައިސަންސް ބާތިލުކުރާ ދުވަހުން ފެށިގެން މީލާދީ ގޮތުން މަދުވެގެން 1 އަހަރު ހަމަވުމަށް ފަހުގައެވެ.

 

 

  

އެއްގަމުގައި ދުއްވާ އެއްޗެއްސާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ފީ އާއި އެހެނިހެން ހިދްމަތްތަކުގެ އަގު ނެގުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލު

 

1. އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހިން ތިރީގައިވާ ގޮތުގެމަތިން ފީ ނެގޭނެއެވެ.

(ހ) މޮޓޯސައިކަލް، އިންޖީނުލީ ބައިސްކަލް، ސްކޫޓަރފަދަ ތަކެތި:

އިންޖީނުގެ ކެޕޭސިޓީގައި 50 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 180 ރުފިޔާ.
އިންޖީނުގެ ކެޕޭސިޓީ 50 ކޮޑި ސެންޓިމީޓަރު ހަމަވެފައި، 100 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 360 ރުފިޔާ.
އިންޖީނުގެ ކެޕޭސިޓީގައި 100 ކޮޑި ސެންޓިމީޓަރު ހަމަވެފައި، 150 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 648 ރުފިޔާ.
އިންޖީނުގެ ކެޕޭސިޓީގައި 150 ކޮޑި ސެންޓިމީޓަރު ހަމަވެފައި، 200 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 1،152 ރުފިޔާ.
އިންޖީނުގެ ކެޕޭސިޓީގައި 200 ކޮޑި ސެންޓިމީޓަރު ހަމަވެފައި، 400 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 3،240 ރުފިޔާ.
އިންޖީނުގެ ކެޕޭސިޓީގައި 400 ކޮޑި ސެންޓިމީޓަރުން ފެށިގެން މަތީގެ ކޮންމެ އެއްޗަކުން އަހަރަކު 4،320 ރުފިޔާ.
 

(ށ) ކާރު، ޖީޕް، ވޭންފަދަ ތަކެތި:

  1. އިންޖީނުގެ ކެޕޭސިޓީގައި 1،000 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 2،160 ރުފިޔާ.
  2. އިންޖީނުގެ ކެޕޭސިޓީގައި 1،000 ކޮޑި ސެންޓިމީޓަރު ހަމަވެފައި، 1،500 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 2،808 ރުފިޔާ.
  3. އިންޖީނުގެ ކެޕޭސިޓީގައި 1،500 ކޮޑި ސެންޓިމީޓަރު ހަމަވެފައި، 2،000 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 3،672 ރުފިޔާ.
  4. އިންޖީނުގެ ކެޕޭސިޓީގައި 2،000 ކޮޑި ސެންޓިމީޓަރުން ފެށިގެން މަތީގެ ކޮންމެ އެއްޗަކުން އަހަރަކު 5،760 ރުފިޔާ.
  5. ތެޔޮ އަންދައިގެން ނޫންގޮތަކުން ދުއްވާ އެއްޗެހީގެ ފީ ކަނޑައަޅާނީ، އެއްބޭނުމެއް ކުރާ، ޖާގައިގެގޮތުން އެއްވަރު، ތެޔޮ އަންދައިގެން ދުއްވާ އެއްޗެހީގެ ފީގެ ތިންބައިކުޅަދެބަޔާ އެއްވަރަށެވެ.

 

(ނ) ލޮރީ، ޓްރެކްޓަރ، ޕިކަޕް، ފޯކްލިފްޓް، ސޭލާފަދަ ތަކެތި:

  1. އުފުލޭ ބަރުދަން 2 ޓަނު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 1،800 ރުފިޔާ.
  2. އުފުލޭ ބަރުދަން 2 ޓަނު ހަމަވެފައި 5 ޓަނު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 5،000 ރުފިޔާ.
  3. އުފުލޭ ބަރުދަން 5 ޓަނުން ފެށިގެން މަތީގެ ކޮންމެ އެއްޗަކުން އަހަރަކު 7،500 ރުފިޔާ.

 

2. އަލަށް ރަޖިސްޓަރީ ކޮށްދެވޭ ކޮންމެ އެއްޗަކުން 100 ރުފިޔާގެ ރަޖިސްޓްރޭށަން ފީއެއް ނެގޭނެއެވެ.

3. ރަޖިސްޓަރީކޮށްފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއް ރަޖިސްޓަރީ ގެއްލިގެން ނުވަތަ ހަލާކުވެގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ އަލުން ރަޖިސްޓަރީ ހަދާނަމަ  ހަދައިދެވޭނީ އަގެއްގެ ގޮތުގައި 200 ރުފިޔާ ނެގުމަށް ފަހުގައެވެ.

 

4- އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި ދުއްވުމުގެ ލައިސަންސް ދިނުމަށް ބާއްވާ ޓެސްޓުގައި ބައިވެރިވުމުގެ ފީއާއި، ލައިސަންސް ކާޑާއި، ހުއްދައިގެ އަގު ތިރީގައިވާ ގޮތުގެ މަތިން ނެގޭނެއެވެ.

ހ. އެޕްލިކޭށަން ފޯމަށް 1 ރުފިޔާ.

ށ. ޓެސްޓުގައި އިށީންނަ ކޮންމެ ފަހަރަކަށް 50 ރުފިޔާ.

ނ. ލައިސަންސް ކާޑާއި، ހުއްދައިގެ އަގަށް 250 ރުފިޔާ.

ރ. މުއްދަތު ހަމަވެގެން އަލުން ހައްދާ ކާޑާއި ހުއްދައިގެ އަގަށް 250 ރުފިޔާ.

ބ. ލައިސަންސް ކާޑު ނުވަތަ ހުއްދަ ގެއްލިގެން ނުވަތަ ހަލާކުވެގެން ހައްދާނަމަ، ހައްދާ ކޮންމެ އެއްޗަކަށް 300 ރުފިޔާ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

އުވި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު