-

އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 76/2021)

1 ވަނަ މާއްދާ - ތައާރަފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ކަނޑައަޅާ އާންމު ރަޖިސްޓަރީ ނަންބަރު އެނގޭ ގޮތަށް އެއްގަމު އުޅަނދުގައި ރަޖިސްޓަރީގެ ނަންބަރު ހަރުކޮށްފައި ހުރުން ނުވަތަ އެ އުޅަނދު ދުއްވާ މީހާގެ އަތުގައި ރަޖިސްޓަރީގެ މައުލޫމާތު އޮތުމާއެކު، ރަޖިސްޓަރީ ނަންބަރުގެ ބަދަލުގައި ވަކި ނަންބަރެއް ނުވަތަ ނަމެއް (ޑޮމެއިން) ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް، އެ ނަންބަރު ނުވަތަ ނަން ދޫކުރުމާއި، ވިއްކުމާއި، ބަދަލުކުރުމާއި، އަގުކަނޑައެޅުމާއި، ބޭނުންކުރުމުގެ ހަމަތައް ކަނޑައެޅުމުގެ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހެދުމުގެ ބާރު

މި ގަވާއިދު ހެދުމުގެ ބާރު ލިބިދެނީ، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާއި، 20 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ.

 

3 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ، "އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދު" އެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް އެ ވަގުތަކު ސަރުކާރުން ހަމަޖައްސާ ވުޒާރާއިންނާއި، އެ ވުޒާރާއިން އިހުތިޔާރު ދީފައިވާ ފަރާތްތަކުންނެވެ.

 

5 ވަނަ މާއްދާ - ރަޖިސްޓަރީ ނަންބަރުގެ ބަދަލުގައި ޑޮމެއިން ބޭނުންކުރުން

(ހ) ޑޮމެއިންގެ ގޮތުގައި ބޭނުންކުރާ ނަންބަރަކީ، އެއްގަމު އުޅަނދެއް ރަޖިސްޓަރީ ކުރާއިރު އުޅަނދުގައި ޖެހުމަށް ކަނޑައަޅާ ރަޖިސްޓަރީ ނަންބަރުގެ ބަދަލުގައި، މި ގަވާއިދުގައިވާ ގޮތުގެ މަތިން  މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ކަނޑައަޅާ ހާއްސަ ނަންބަރު ނުވަތަ ނަމެކެވެ.

(ށ) އެއްގަމު އުޅަނދެއްގައި ޑޮމެއިންގެ ގޮތުގައި ކަނޑައަޅައިފައިވާ ނަންބަރެއް ނުވަތަ ނަމެއް ބޭނުންކުރަންވާނީ، އެ އުޅަނދެއްގައި ޑޮމެއިން ބޭނުންކުރުމަށް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅައިފައިވާ ތަނެއްގައި ރަޖިސްޓަރީކޮށްގެންނެވެ.

(ނ) ޑޮމެއިން ކަނޑައެޅުމުގައި ބަލަންވާނީ، މަސްލަހަތު ނުގެއްލޭ ފަދަ، މުޖުތަމައުގައި ބޭނުންކުރުން އެކަށީގެންވާ ނަމެއް ނުވަތަ ނަންބަރެކެވެ.

(ރ) ޑޮމައިން  ރަޖިސްޓަރީކޮށް ހުއްދަ ހެދުމާއި، ވެރިފަރާތް ބަދަލުކޮށް، ޑޮމެއިން ބޭނުންކުރާ އުޅަނދު ބަދަލުކުރަން ހުށަހަޅަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާ އެކުގައެވެ.

  1. ފުރިހަމަކޮށްފައިވާ ހިދުމަތަށް އެދޭ ފޯމު؛
  2. ހިދުމަތަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ކޮޕީ.

(ބ) އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ރަޖިސްޓަރީ ނަންބަރުގެ ބަދަލުގައި ޑޮމެއިން ޖަހަން ބޭނުންވާ ފަރާތްތަކަށް ޑޮމެއިން ޖެހިދާނެއެވެ. ޑޮމެއިން ބޭނުންކުރާއިރު، ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ އުޅަނދުގައި ނުވަތަ އެ އުޅަނދެއް ދުއްވާ މީހާގެ އަތުގައި އޮންނަންވާނެއެވެ. އަދި ޑޮމެއިން ބޭނުންކުރުމަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދު ނޫން އުޅަނދެއްގައި ޑޮމެއިން ބޭނުން ކުރުމަކީ މަނާކަމެކެވެ.

(ޅ) ޑޮމެއިން ބޭނުންކުރާ އުޅަނދުގެ ނަންބަރު ބޯޑު ހުންނަންވާނީ "އެއްގަމުގައ ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށެވެ.

(ކ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޑޮމެއިން، ވިޔަފާރި އުސޫލުން ބޭނުންކުރާ އެއްވެސް އުޅަނދެއްގައި ބޭނުންކުރުމަކީ މަނާކަމެކެވެ.

(އ) ޑޮމެއިން ނަންބަރު ނުވަތަ ނަން ދޫކުރުމުގައި އުޅަނދުގެ ވަކި ގިންތިއެއްގައި ބޭނުންކުރުމަށް ދޫކޮށްފައިވާ ނަމެއް ނުވަތަ ނަންބަރެއް އެ ގިންތިއެއްގެ އެހެން އުޅަނދެއްގައި ބޭނުންކުރުމަށް ދެވަނަ ފަރާތަކަށް ދުލެއް ނުކުރެވޭނެއެވެ. އަދި އުޅަނދެއްގައި ބޭނުންކުރުމަށް ދޫކޮށްފައިވާ ޑޮމެއިނެއް އެއްވަގުތެއްގައި އެއް ގިންތިއެއްގެ ދެ އުޅަނދެއްގައި ބޭނުންކުރުމަކީ މަނާކަމެކެވެ.

(ވ) ޑޮމެއިން ބޭނުންކުރެވޭނީ، AO,A1 އާއި B1 ގެ ގިންތީގައި ހިމެނޭ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގައެވެ.

(މ) ޑޮމެއިންގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭނީ، މި މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން  މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ޑޮމެއިނެއެއްގެ ގޮތުގައި ދޫކޮށްފައިވާ ނަމާއި ނަންބަރެވެ.

 

6 ވަނަ މާއްދާ - ޑޮމެއިން ވިއްކުމުގައި ދިމާވާ މައްސަލަ ހައްލުކުރުން

(ހ) ޑޮމެއިން ވިއްކުމުގައި ދިމާވާ މައްސަލަ ހައްލުކުރުމަށް، މި މާއްދާގައި ކަނޑައަޅައިފައިވާ ދާއިރާތަކުން މަދުވެގެން 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވައިލަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމެޓީ ކަނޑައަޅާނީ،  މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ. މި ކޮމިޓީ އެކުލަވައިލާނީ، ތިރީގައިވާ ދާއިރާތައް ހިމެނޭ ގޮތަށެވެ.

  1. މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން؛
  2. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ؛
  3. މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޮމިޓީން ކަމެއް ނިންމަންވާނީ، މަދުވެގެން 3 (ތިނެއް) މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

 

7 ވަނަ މާއްދާ - ޑޮމެއިން ނަންބަރު ވިއްކުން

(ހ) ޑޮމެއިން ވިއްކަންވާނީ، ޑޮމެއިން ވިއްކުމުގެ މަދުވެގެން 7 (ހަތެއް) ދުވަހުގެ ކުރިން އާންމުކޮށް އިއުލާނުކޮށް، އެކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހެޅި ފަރާތަކަށެވެ.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޑޮމެއިން ވިއްކާނީ، ނީލަމުގެ އުސޫލުން ނުވަތަ ބީލަމުގެ އުސޫލުންނެވެ.

(ނ) AO, A1 ގެ ގިންތީގެ އުޅަނދަށް ވިއްކާ ނަންބަރު ނުވަތަ ނަން ނީލަމުގެ ނުވަތަ ބީލަމުގެ ފެށޭ އަގަކީ، މަދުވެގެން 50,000 (ފަންސާސްހާސް) ރުފިޔާއެވެ. އަދި B1 ގެ ގިންތީގެ އުޅަނދަކަށް ވިއްކާ ނަންބަރު ނުވަތަ ނަމުގެ ނީލަމުގެ ނުވަތަ ބީލަމުގެ ފެށޭ އަގަކީ، މަދުވެގެން 100,000 (އެއްލައްކަ) ރުފިޔާއެވެ.

 

8 ވަނަ މާއްދާ - ހިދުމަތުގެ އަގު

އަލަށް ޑޮމެއިން ރަޖިސްޓަރީކުރުމަށާއި، ޑޮމެއިންގެ ވެރިފަރާތް ބަދަލުކުރުމަށާއި، ޑޮމެއިންގެ ވެހިކަލް ބަދަލުކުރުމަށް، ތިރީގައި ބަޔާންކޮށްފައިވާ ހިދުމަތުގެ އަގު ދައްކަންވާނެއެވެ.

(ހ) އަލަށް ޑޮމެއިން ނަންބަރެއް ރަޖިސްޓަރީކޮށްދިނުމަށް 500 (ފަސްސަތޭކަ) ރުފިޔާ.

(ށ) ޑޮމެއިނެއްގެ ވެރިފަރާތް ބަދަލުކުރުމަށް ނުވަތަ ޑޮމެއިން ރަޖިސްޓަރީކޮށްފައިވާ ވެހިކަލް ބަދަލުކުރުމަށް 500 (ފަސްސަތޭކަ) ރުފިޔާ.

 

9 ވަނަ މާއްދާ - ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ދެވޭ އަދަބު

(ހ) މި ގަވާއިދުގެ ދަށުން ވަކި އުޅަނދަކަށް ދޫކޮށްފައިވާ ޑޮމެއިން ނަންބަރު އުޅަނދުގައި ހަރުނުކޮށް ނުވަތަ ނަންބަރު އޮޅުންނުފިލާވަރަށް ހަލާކުވެފައިވަނިކޮށް ދުއްވި މީހާގެ އަދަބު، ތިރީގައި މިވަނީއެވެ.

  1. ފުރަތަމަ ފަހަރުނަމަ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން؛
  2. ދެވަނަ ފަހަރުނަމަ 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
  3. ދެ ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން.

(ށ) މި ގަވާއިދުގެ ދަށުން ވަކި އުޅަނދަކަށް ދޫކޮށްފައިވާ ޑޮމެއިން ނަންބަރު ފިޔަވައި އެހެން ނަންބަރެއް އުޅަނދުގައި ހަރުކޮށްގެން ބޭނުންކުރުމުގެ އަދަބު، ތިރީގައި މިވަނީއެވެ.

  1. އެފަދަ އުޅަނދެއް އެ ވަގުތަކު ދުއްވަން އިން ފަރާތް 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
  2. އެފަދަ ކަމެއް ކުރި ފަރާތެއް 10,000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން، އެކަން ކުރީ ވިޔަފާރިކުރާ ތަނަކުން ނަމަ، އެ ތަނެއްގެ ވިޔަފާރީގެ ހުއްދަ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ހިފެހެއްޓުން.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ކަންކަން ފިޔަވައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފުވެފައިވާ ފަރަތެއްގެ އަދަބަކީ 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

 

10 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

11 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހަދައިފައިވާ ގަވާއިދުތައް ބާތިލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 16/2013 (އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދު) އާއި، ގަވާއިދު ނަންބަރު 35/2017 (އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު) އާއި، ގަވާއިދު ނަންބަރު 1074/2019  (އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު) ބާތިލުވީއެވެ.

 

12 ވަނަ މާއްދާ - މާނަކުރުން

(ހ)  "ޑޮމެއިން" ކަމުގައި ބުނެފައި އެވަނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދެއް ރަޖިސްޓަރީ ކުރާއިރު އުޅަނދުގައި ޖެހުމަށް ކަނޑައަޅާ ރަޖިސްޓަރީ ނަންބަރުގެ ބަދަލުގައި، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ކަނޑައަޅާ ހާއްސަ ނަންބަރަށް ނުވަތަ ނަމަކަށެވެ.

(ށ)  "ނަންބަރު" ކަމުގައި ބުނެފައި އެވަނީ، ޑޮމެއިންގެ ގޮތުގައި ދޫކުރާ ނަންބަރު ނުވަތަ ނަންބަރުތަކަށެވެ.

(ނ)  "ނަން" ކަމުގައި ބުނެފައި އެވަނީ، ޑޮމެއިންގެ ގޮތުގައި ދޫކުރާ ދިވެހި ނަމަށް ނުވަތަ އިނގިރޭސި ނަމަށެވެ.

(ރ) "ގިންތި" ކަމުގައި ބުނެފައި އެވަނީ، "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު" ގައި އުޅަނދުތައް ބަހައިލެވިފައިވާ ގިންތިތަކަށެވެ.

(ބ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ހަމަޖެއްސުމަށް އެ ވަގުތަކު ސަރުކާރުން ހަމަޖައްސައިފައިވާ މިނިސްޓްރީއަކަށެވެ.

 

މައި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 5/2009)

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު