-

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2021-29)

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05) އަށް  އަންނަނިވި އިސްލާހުތައް ގެނައުން

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 49 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ކައުންސިލުތަކުން ހިދުމަތް ފޯރުކޮށްދިނުން 1-49

(ހ) މި ގާނޫނުގެ ދަށުން މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތައް، އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ އަތޮޅެއް ނުވަތަ އެ ރަށެއް ނުވަތަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދިނުމަށް މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތަކާއި އެ ހިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހިދުމަތްތަކާ ގުޅިގެން މިނިސްޓްރީ އާއި ކަމާގުޅޭ އިދާރާތަކުން ކައުންސިލުތަކަށް ބޭނުންވާ ފައިސާއާއި ވަސީލަތްތަކާއި އެހީތެރިކަން ކައުންސިލުތަކަށް ފޯރުކޮށްދޭންވާނެއެވެ. އަދި، ކައުންސިލުތަކަށް ބޭނުންވާ ފައިސާއާއި ވަސީ ލަތްތަކާއި އެހީތެރިކަން ފޯރުކޮށްދޭނެގޮތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 70 ވަނަ މާއްދާގެ (ޒ) ގެ ފަހަތަށް އަންނަނިވި ފަދައިން ތިން އަކުރު އިތުރުކުރުން.

(ޓ) "ރަށު ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލަށެވެ.
 
(ޔ) "ސިޓީ ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލަށެވެ.

(ޕ) "އަތޮޅު ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އަތޮޅު ކައުންސިލަށެވެ. 

 

މައި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05)

 

ކޮންސޮލިޑޭޓެޑް ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2009-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު