-

އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދު

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތަައާރުފު

(ހ) މިއީ، އެއްގަމު އުޅަނދު ދުއްވުމުގައި އަމަލުކުރަންޖެހޭ އާންމު އުސޫލުތަކާއި މިންގަނޑުތައް ބަޔާންކުރުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ  ގާނޫނު) ގެ 3 މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ނ) މި ގަވާއިދަށް ކިޔާނީ، "އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ އަންނަނިވި ކަންކަން ހާސިލުކުރުމުވެ.

(ހ) އެއްގަމު އުޅަނދު ދުއްވުމުގައި މަގު ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރުން؛

(ށ) އެއްގަމު އުޅަނދު ދުއްވާއިރު ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން؛

(ނ) ބައިސްކަލުގައި ކުޑަކުދިން އުފުލޭނެ އުސޫލުތަކާއި، ބައިސްކަލުގައި ކުޑަކުދިން އުފުލުމަށް ހަރުކޮށްފައި ހުންނަ ގޮނޑީގެ މިންގަނޑު  ބަޔާންކުރުން؛

(ރ) އެއްގަމު އުޅަނދުގައި ހަރުކޮށްފައި ހުންނަ ބަރުގޮނު ބޭނުންކުރުމުގެ އުސޫލުތަކާއި، އެއްގަމު އުޅަނދުގައި ހަރުކޮށްފައި ހުންނަ ބަރުގޮނުގެ މިންގަނޑުތައް ބަޔާންކުރުން؛

(ބ) އެއްގަމު އުޅަނދުގައި ހަރުކޮށްފައި ހުންނަ ބައްތީގެ މިންގަނޑުތައް ބަޔާންކުރުން؛

(ޅ) އެއްގަމު އުޅަނދު ދުއްވުމުގެ ދުވެލީގެ މިންގަނޑުތަކާއި އުޅަނދު ދުއްވާއިރު ބޭނުންކުރަންޖެހޭ ހެލްމެޓުގެ މިންގަނޑުތައް ކަނޑައެޅުން؛

(ކ) ނުރައްކައުތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ އުސޫލުތަކާއި އަދަބު ދިނުމުގެ އުސޫލުތައް ބަޔާންކުރުން؛

(އ) ގަވާއިދާ ހިލާފުވުމުގެ ސަބަބުން ކުރެވޭ ޖޫރިމަނާއާއި ދެވޭ އަދަބުތައް  ބަޔާންކުރުން.

 

ދެވަނަ ބާބު

އެއްގަމު އުޅަނދު ދުއްވުމުގެ އާންމު އުސޫލުތައް

 

3 ވަނަ މާއްދާ - މަގު ބޭނުންކުރުމުގެ ހަމަތައް

(ހ) ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވަންވާނީ މަގުގެ ވާތް ފަރާތުންނެވެ.

(ށ) ވަކި ބާވަތެއްގެ އުޅަނދު ދުއްވުމަށް ވަކި ލޭނެއް ކަނޑައެޅިފައިވާ މަގުތަކުގައި، އެ އުޅަނދަކަށް ކަނޑައެޅިފައިވާ ލޭން ފިޔަވައި އެހެން  ލޭނެއްގައި ދުއްވުމަކީ މަނާކަމެކެވެ. އަދި ކަނޑައެޅިފައިވާ ލޭނުގައި ދުއްވުމުގައިވެސް ބޭނުންކުރަންވާނީ ލޭނުގެ ވާތްފަރާތެވެ.

(ނ) އެއް ބާވަތަށްވުރެ ގިނަ ބާވަތުގެ އުޅަނދު ދުއްވުމަށް ކަނޑައަޅައިފައިވާ ލޭނުތަކުގައި، ބައިސްކަލާއި ސައިކަލު ފަދަ އުޅަނދު ދުއްވަންވާނީ އެ ލޭނުގެ ވާތްފަރާތުންނެވެ. އަދި އެ ނޫން އުޅަނދު ދުއްވަންވާނީ ބައިސްކަލާއި ސައިކަލު ފަދަ އުޅަނދު ދުއްވާނެ ޖާގަ ބާއްވައިގެންނެވެ.

(ރ) އެއް މަގެއްގައި ނުވަތަ މަގެއްގެ އެއް ލޭނުގައި، އެއް ހަމައެއްގައި ތިބެގެން  އެއް އުޅަނދަށްވުރެ ގިނަ އުޅަނދު އެކުއެކީގައި ދުއްވުމަކީ މަނާކަމެކެވެ. ނަމަވެސް، އެއް އުޅަނދަށްވުރެ އަނެއް އުޅަނދު ކުރިއަށް އަރާ ހާލަތުގައި، ކުރިއަށް އަރާނެ ޖާގަ ނެތިގެން ދެ އުޅަނދު އެއް ހަމަވާ އެއް ހަމަވުން މީގެ  ތެރޭގައި ނުހިމެނެއެވެ.

(ބ) އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ މަގުތަކުގައި، ކުރިމަތިން ދުއްވަމުންދާ އުޅަނދެއްގެ ކުރިއަރައިގެން ދާންވާނީ، ޖެހިގެން އޮންނަ  ލޭނުގައި ދުއްވަމުންދާ އުޅަނދުތަކަށާއި ފަހަތުން އަންނަ އުޅަނދުތަކަށް ބަލައި، ރައްކައުތެރިކަމާއެކު ކުރިއަރައިގެންދާނެ ފުރުސަތު ލިބުމުން،  ސިގްނަލް ދިނުމަށްފަހުގައި، ކުރިމަތިން ދުއްވަމުންދާ އުޅަނދުގެ  ކަނާތް ފަރާތުންނެވެ.

(ޅ) އުޅަނދު ދުއްވަމުންދާ ސްޕީޑް (ކިލޯ މީޓަރުން) އަށް ބަލައި، ދެ އުޅަނދު ދޭތެރޭގެ ދުރުމިން ތިރީގައިވާ ގޮތުގެ މަތިން ބަހައްޓަންވާނެއެވެ. އެގޮތުން؛

  1. 30 (ތިރީސް) ކިލޯމީޓަރ ބާރުމިނުގައި ދުއްވާ އުޅަނދެއްނަމަ ކުރިމަތީގައި އޮތް އުޅަނދާ ދެމެދު 15 (ފަނަރަ) މީޓަރަށްވުރެ  ދަށްނުވާނެ ދުރުމިނެއް ބަހައްޓަންވާނެއެވެ.
  2. 40 (ސާޅީސް) ކިލޯމީޓަރ ބާރުމިނުގައި ދުއްވާ އުޅަނދެއްނަމަ ކުރިމަތީގައި އޮތް އުޅަނދާ ދެމެދު 20 (ވިހި) މީޓަރަށްވުރެ  ދަށްނުވާނެ ދުރުމިނެއް ބަހައްޓަންވާނެއެވެ.
  3. 50 (ފަންސާސް) ކިލޯމީޓަރ ބާރުމިނުގައި ދުއްވާ  އުޅަނދެއްނަމަ ކުރިމަތީގައި އޮތް އުޅަނދާ ދެމެދު 25 (ފަންސަވީސް) މީޓަރަށްވުރެ ދަށްނުވާނެ ދުރުމިނެއް  ބަހައްޓަންވާނެއެވެ.
  4. 60 (ފަސްދޮޅަސް) ކިލޯމީޓަރ ބާރުމިނުގައި ދުއްވާ އުޅަނދެއްނަމަ ކުރިމަތީގައި އޮތް އުޅަނދާ ދެމެދު 
    30 (ތިރީސް) މީޓަރަށްވުރެ ދަށްނުވާނެ ދުރުމިނެއް ބަހައްޓަންވާނެއެވ

(ކ) 30) ތިރީސް) ކިލޯމީޓަރަށްވުރެ ބާރަށް ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި، އުޅަނދު މަޑުކުރަން  ހާއްސަކޮށްފައިވާ ސަރަހައްދުތައް ފިޔަވައި އެ ނޫން ސަރަހައްދުތަކުގައި އުޅަނދު މަޑުކުރުމާއި ޕާކުކުރުމަކީ މަނާ ކަމެކެވެ. އަދި އުޅަނދު މަޑުކުރުމަށް ސަރަހައްދެއް ހާއްސަކޮށްފައިވާނަމަ، އެ ސަރަހައްދެއްގައި އެކަން އަންގައިދޭ  ނިށާނެއް ހުންނަންވާނެއެވެ.

(އ) މަގެއް ނުވަތަ ގޯޅިއެއް ހުރަސްކުރާއިރު އެ މަގަކަށް ނުވަތަ ގޯޅިއަކަށް ނުކުންނައިރު ނުވަތަ ހަތަރު އަނގޮޅި ހުރަސްކުރާއިރު އެ މަގަކަށް ނުކުތުމުގެ ކުރިން މަގާ ހަމައަށް މަޑުކުރުމަށްފަހު، ދުއްވާ އެހެނިހެން އުޅަނދުތަކަށް  ބެލުމަށްފަހުގައި މެނުވީ ކުރިއަށް ގޮސްގެންނުވާނެއެވެ. އަދި ދުއްވާ ކޮންމެ އުޅަނދެއް މަގަކަށް ނުވަތަ ގޯޅިއަކަށް ކަނާތް ފަރާތަށް އަޅާނަމަ، އަޅަންވާނީ އަޅާ ގޯޅިއެއްގެ ނުވަތަ މަގެއްގެ މެދަށް އައުމަށްފަހުގައެވެ.

(ވ) އެއްގަމު ދަތުރުފަތުރު ނިޒާމުގެ ތެރޭގައި ހުންނަ ވަށްބުރެއް ކައިރިން ނުވަތަ  އެފަދަ ބުރެއް ކައިރިން ދުއްވަންވާނީ ނުވަތަ ވަށާލަންވާނީ ސަމާލުކަންދީގެން ޓްރެފިކް ނިށާންތަކާ އެއްގޮތަށެވެ. އަދި ވަށްބުރެއް ވަށާލާނަމަ އުޅަނދުގެ  ދުވެލި މަޑުކޮށް، އުޅަނދުގެ ކަނާތްފަރާތުން ދުއްވަމުންދާ އުޅަނދުތަކަށް  ތަންދޭންވާނެއެވެ.

(މ) އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ދުއްވަމުންދާ އުޅަނދެއް ފަހަތަށް  ދުއްވުމުގެ ކުރިން ހިނގާމީހުންނަށާއި އެ އުޅަނދުގެ ފަހަތުން އަންނަ އުޅަނދުތަކަށް ބަލަންވާނެއެވެ. އަދި ފަހަތަށް ޖަހާ އުޅަނދުގެ ބާވަތުން ފަހަތް ރަނގަޅަށް ނުފެންނަނަމަ، އެ އުޅަނދެއް ފަހަތަށް ދުއްވަންވާނީ ދެވަނަ މީހެއްގެ އެހީތެރިކަމާއެކުގައެވެ.

 

4 ވަނަ މާއްދާ - ދުންފަތުގެ އިސްތިއުމާލު ނުކުރުން

(ހ) އެއްގަމު އުޅަނދު ދުއްވާއިރު، އުޅަނދު ދުއްވާ މީހާއާއި އުޅަނދުގައި އިންނަ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ.

(ށ) ދުންފަތުގެ އިސްތިއުމާލު ކުރުމުގެ މާނައިގެ ތެރޭގައި ދުންފަތް ހިމެނޭ ނުވަތަ ނުހިމެނޭގޮތުން އަންނަނިވި ކަންކަން ކުރުން ހިމެނެއެވެ.

  1. ބިޑި، ސުއްޓާ، ސިނގިރޭޓު ބުއިން؛
  2. ށީީށާ ބުއިން؛
  3. ވޭޕްކުރުން؛
  4. އިލެކްޓްރޯނިކް ސިނގިރޭޓްފަދަ ތަކެތި ބޭނުންކުރުން؛
  5. އަދި މި ނޫންވެސް ދުންފަތުގެ އިސްތިއުމާލުކުރުމަށް ތައްޔާރުކޮށްފައިވާ ވަސީލަތެއް ބޭނުންކުރުން.

(ނ) އެއްގަމު އުޅަނދު ދުއްވާއިރު، އުޅަނދު ދުއްވާ މީހާއާއި އުޅަނދުގައި އިންނަ އެއްވެސް މީހަކު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތަކެތި  ހިމެނޭގޮތުން، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ވަސީލަތެއް ހިފައިގެން ދުއްވުމަކީ މަނާކަމެކެވެ.

 

5 ވަނަ މާއްދާ - ބައިސްކަލުގައި ކުޑަކުދިން އުފުލުމާއި ގިނަ މީހުން ދުއްވުން

(ހ) އުމުރުން 6 (ހައެއް) އަހަރު ނުފުރޭ ކުޑަކުއްޖަކު، ކުޑަކުދިން އެރުވުމަށް ބައިސްކަލުގައި ހަރުކޮށްފައި ހުންނަ ގޮނޑީގައި ބައިންދައިގެން ދުއްވާ ދުއްވުން ފިޔަވައި، ކުޑަކުދިން ބައިސްކަލުގައި އުފުލުމަކީ މަނާކަމެވެ. އަދި އެކަކަށްވުރެ ގިނަމީހުން އަރައިގެން ދުއްވުމަށް ހާއްސަކޮށް  އުފައްދާފައިހުންނަ ބައިސްކަލުގައި އެ ބައިސްކަލުގައި ހަރުކޮށްފައިވާ ސީޓަށްވުރެ އިތުރަށް މީހުން އަރުވައިގެން ދުއްވުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުޑަކުދިން ބައިންދަން ތައްޔާރުކޮށްފައި ހުންނަ  ގޮނޑި ހުންނަންވާނީ އަންނަނިވި ށަރުތުތަކާ އެއްގޮތަށެވެ.

  1. ބައިސްކަލުގައި ރަނގަޅަށް ހަރުކޮށްފައިވާ ގޮނޑިއަކަށް ވުން؛
  2. ސޭފްޓީ ކަމަރު ހަރުކޮށްފައިވުން؛
  3. ކުޑަކުދިން ބައިންދަން ތައްޔާރުކޮށްފައި ހުންނަ ގޮނޑިއަކީ، ގޮނޑީގައި އިންނަ ކުއްޖާ ރަނގަޅަށް ނިވާވާވަރަށް  ތައްޔާރުކޮށްފައި ހުރި ގޮނޑިއަކަށްވުން.

 

6 ވަނަ މާއްދާ - އުޅަނދުގައި މީހުން އުފުލުން

(ހ) އެއްގަމު އުޅަނދުގެ ތެރެއިން ހަމައެކަނި ދެ މީހުންނަށް އެރޭގޮތަށް ތައްޔާރުކޮށްފައި ހުންނަ ދެފުރޮޅުލީ އުޅަނދު ދުއްވަން އިންނަ މީހާގެ  އިތުރުން، އެ އުޅަނދުގައި އުފުލޭނީ އެންމެ ފަރާތެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބާވަތުގެ އުޅަނދުގެ ފިޔަވައި، އެ ނޫން އުޅަނދުތައް ރަޖިސްޓަރީކުރަން ހުށަހެޅުމުން، އެ އުޅަނދުގެ ބާވަތާއި  މޮޑެލަށް ބަލައި، އެ އުޅަނދުގައި އެންމެ ގިނައިން އުފުލޭނެ މީހުންގެ އަދަދު  މިނިސްޓްރީން ކަނޑައަޅަންވާނެއެވެ. އަދި އެގޮތުން އުޅަނދުގެ  ރަޖިސްޓަރީގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް މީހުން އުފުލައިގެން  ނުވާނެއެވެ.

(ނ) މީހެއްގެ އެހީއަކާނުލައި އިށީނދެގެން ނުއިނދެވޭވަރުގެ ކުޑަކުދިން، A1 އަދި A0 ގިންތީގެ އުޅަނދުގައި އުފުލަންވާނީ، ސޭފްޓީ ކަމަރު  ބަނދެގެން، ދުއްވާ މީހާގެ ދެ އަތާއި ދެ ފައި މިނިވަންކަމާއެކު ގެންގުޅެވޭ  ގޮތަށެވެ. އަދި މިފަދަ އުޅަނދުގައި މި ނޫންގޮތަކަށް ކުޑަކުދިން އުފުލުމަކީ  މަނާކަމެކެވެ.

(ރ) ދެމީހުންނަށް އެރޭގޮތަށް ހަދާފައި ހުންނަ ދެފުރޮޅުލީ އުޅަނދެއްގައި، މީހެއްގެ އެހީއަކާ ނުލައި އިށީނދެގެން ނުއިނދެވޭވަރުގެ ކުޑަކުދިން ދުއްވަން އިންނަ  މީހާގެ ކުރިއަށް އަރުވައިގެން ގެންދަންވާނީ، ދުއްވަން އިންނަ މީހާއަށް އެއްވެސް އުނދަގުލެއް އަދި ހުރަހެއް ނެތި މަގު ފެންނަނަމައެވެ.

 

7 ވަނަ މާއްދާ - ބަރުގޮނު އެޅުން

(ހ) އެއްގަމު އުޅަނދުގެ ބަރުގޮނު އަޅަންވާނީ ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ހިނގާ މީހުންނާއި ދުއްވަމުންދާ އެހެން އުޅަނދުތަކަށް  އިންޒާރު ދިނުމުގެ ގޮތުން ކޮންމެހެން ބަރުގޮނު އަޅަންޖެހިއްޖެ ހާލަތެއްގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްގައިވާ ހާލަތުގައި މެނުވީ ބަރުގޮނު އެޅުމަކީ  މަނާކަމެކެވެ.

(ނ) މިސްކިތްތަކާއި ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީ ހުންނަ ސަރަހައްދުތަކުގައި ބަރުގޮނު އެޅުމަކީ މަނާކަމެކެވެ.

 

8 ވަނަ މާއްދާ - ބަރުގޮނުގެ މިންގަނޑު

(ހ) އާންމު ސަލާމަތާއި ރައްކައުތެރިކަމަށް ހާއްސަ ކުރެވިފައިވާ އުޅަނދުފަހަރުގައި ބޭނުންކުރާ ބަރުގޮނު ފިޔަވައި، އެހެނިހެންއެއްގަމު އުުޅަނދުގައި ބަރުގޮނު ހަރުކޮށްފައި ހުންނަންވާނީ، އުޅަނދު އުފެއްދިއިރު އެ އުޅަނދެއްގައި ހަރުކޮށްފައިވާ ބަރުގޮނެވެ.

(ށ) އާންމު ސަލާމަތާއި ރައްކައުތެރިކަމަށް ހާއްސަ ކުރެވިފައިވާ އުޅަނދުފަހަރުގައި ބޭނުންކުރާ ބަރުގޮނު ފިޔަވައި، އެހެނިހެން އެއްގަމު އުޅަނދުގައި ބަރުގޮނު ހަރުކޮށްފައި ހުންނަންވާނީ، އުޅަނދު އުފެއްދިއިރުއެ އުޅަނދެއްގައި ހަރުކޮށްފައިވާ ބަރުގޮނު މޮޑިފައި ކޮށްގެން ހަރުކުރުމަކީ މަނާކަމެކެވެ.

 

9 ވަނަ މާއްދާ - ބައްތި ދިއްލުން

(ހ) ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އާ ދެމެދު އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވާނީ ބައްތި ދިއްލައިގެން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

  1. އިންޖީނުލީ އުޅަނދުގެ ތެރެއިން، ދެފުރޮޅުލީ އުޅަނދުގައި ހެޑްލައިޓާއި ފަހަތު ޓެއިލްލައިޓް ދިއްލާފައި ހުންނަންވާނެއެވެ.
  2. އިންޖީނުލީ އުޅަނދުގެ ތެރެއިން، ދެފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގައި، ކުރީ ދެ ފަރާތުގައި ދެ ހެޑްލައިޓާއި ފަހަތުގައި ދެ ޓެއިލްލައިޓް ދިއްލާފައި ހުންނަންވާނެއެވެ.
  3. އުޅަނދުގެ ހެޑްލައިޓް ނުވަތަ ކުރިމައްޗަށް ހުންނަ ބައްތީގެ އަލި ދިއްލިފައި ހުންނަންވާނީ ދުއްވާފައިދާއިރު އެކަށީގެންވާ މިންވަރަކަށް އަލިކޮށް ކުރިމަތި ސާފުކޮށް ފެންނަން ހުންނަ ގޮތަށް ހުދުކުލައިގައެވެ. އަދި އުޅަނދުގެ ޓެއިލްލައިޓް ދިއްލިފައި 
    ހުންނަންވާނީ ފަހަތުން ދުއްވާފައި އަންނަ އުޅަނދުތަކަށް ސާފުކޮށް އަލި ފެންނަ ގޮތަށް ރަތް ކުލައިގައެވެ.
  4. އެއްގަމު އުޅަނދުގެ ބައްތި ހުންނަންވާނީ ސާފުކޮށް އަލި ފެންނަގޮތަށެވެ.
  5. ހައިބީމް ޖައްސައިގެން އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެކެވެ.
  6. އެއްގަމު އުޅަނދުގެ ހައިބީމް ޖައްސަންވާނީ އަނދިރިކަމުން ނުވަތަ ވިއްސާރަވެ ބަނަވުމުގެ ސަބަބުން ނުވަތަ މަގު އޮތްގޮތުގެ  ސަބަބުން ދުރު ބަލާލަން ޖެހިއްޖެ ހާލަތެއްގައި އެކަންޏެވެ. 

(ށ) އުޅަނދެއް ކަފުޖަހައިގެން ގެންދިއުން 

ކަފުޖަހައިގެން އުޅަނދެއް ގެންދާއިރު، ހެނދުނު 6:00 އިން ފެށިގެން ހަވީރު 6:00 އަށް ކަފުގައި އޮންނަ އުޅަނދުގެ ފަހަތުން ދެ އަރިމަތީގައި އެއް ފޫޓުއެއް ފޫޓުގެ އޮރެންޖް ކުލައިގެ ދިދައެއް ވިހުރޭގޮތަށް ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި ހަވީރު 6:00 އިން ހެނދުނު 6:00 އަށް ކަފުގައި އޮންނަ އުޅަނދުގެ ފަހަތުން ދެ އަރިމަތީގައި ރަތްކުލައިގެ ނިވިދިއްލޭ، 100 މީޓަރުދުރަށް ސާފުކޮށް ފެންނަ ބައްތިއެއް ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި ކަފުގައި އޮންނަ އުޅަނދުގެ ފަހަތުގެ ދެ ޓެއިލްލައިޓް ދިއްލާފައި ހުންނަންވާނެއެވެ. ޓެއިލްލައިޓް ނުދިއްލޭނަމަ، އެކަން އެނގޭނެ ނިށާނެއް، ނުވަތަ ރިފްލެކްޓަރެއް ހަރުކޮށްފައި ހުންނަންވާނެއެވެ.
ބުރެކި ބައްތި ދިއްލުން

(ނ) ބުރެކި ޖެއްސުމުން، އުޅަނދުގެ ފަހަތުން އަންނަ މީހުންނަށް ބުރެކި ބައްތި ފެންނާނެހެން، އަދި އުޅަނދު ހުއްޓިކަން، ނުވަތަ މަޑުކުރިކަން އެނގޭނެހެން، އަދި ފަހަތަށް ދުއްވާއިރު، ފަހަތުގައި ތިބޭ މީހުންނަށް އެނގޭނެހެން ހުދު އައްޔެއް ފެންނަން ހުންނަންވާނެއެވެ. އަދި ކޮންމެ އުޅަނދެއްގެވެސް ފަހަތު ނަންބަރު ޕްލޭޓަށް އަލިވާގޮތަށް ހުދު އަލި ފެންނަ ބައްތިއެއް ހަރުކޮށްފައި ހުންނަންވާނެއެވެ.

(ރ) ދުވާލު ވަގުތުތަކުގައި މާހައުލު އަނދިރިކަމަށް ފާހަގަކުރެވޭނަމަ، އެއްގަމު އުޅަނދު ދުއްވަންވާނީ ބައްތި ދިއްލައިގެންނެވެ. މި ފަދަ ހާލަތްތަކުގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބައްތި ދިއްލުމުގެ މިންގަނޑުތަކަށް އަމަލުކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ސިގްނަލް ބައްތި ދިއްލުން

(ހ) އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ކުރިއާއި ފަހަތުގައި، ސިގްނަލް ބައްތި ހުންނަންވާނެއެވެ. އަދި ބައްތިތައް ހުންނަންވާނީ އުޅަނދުގެ ދެފަރާތުގައެވެ.

(ށ) އެއްގަމު އުޅަނދުގައި ހަރުކޮށްފައި ހުންނަ ސިގްނަލް ބައްތީގެ އަލި ހުންނަންވާނީ އޮރެންޖް ކުލައިންނެވެ.

(ނ) އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި އުޅަނދު ދުއްވާއިރު، ގޯޅިއަޅާނަމަ ނުވަތަ އަނބުރާލާނަމަ ނުވަތަ މަޑުކުރާނަމަ ސިގްނަލް ދޭންވާނެއެވެ.  ސިގްނަލް ދިނުމެއްނެތި މިފަދަ ކަމެއް ކުރުމަކީ މަނާކަމެކެވެ.

(ރ) އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ދުއްވާއިރު، މަގެއް ނުވަތަ ގޯޅިއެއް އެޅުމުގެ 15 ސިކުންތު ކުރިން ސިގުނަލްދޭންވާނެއެވެ.

(ބ) އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި އުޅަނދު ދުއްވާފައިދާއިރު މަޑުކުރަން ޖެހިއްޖެނަމަ، ކުރިމަތިންނާއި ފަހަތުން ދުއްވާފައިދާ އުޅަނދުތަކަށް ފަސޭހައިން ފެންނާނެހެން ދުރާލައި ސިގްނަލް ދޭންވާނެއެވެ. ސިގްނަލް ދިނުމަށްފަހުވެސް މަޑުކުރާއިރު މަޑުކުރަންވާނީ ދުއްވާ އެހެނިހެން އުޅަނދުތަކަށް އުނދަގޫނުވާ ގޮތަށެވެ.

(ޅ) ދުއްވަމުންދާ އުޅަނދެއް ގޯޅިއަޅާ ފަރާތް އެންގުމަށް ނުވަތަ މަޑުކުރާ ފަރާތް އެންގުމަށް ސިގްނަލް ދިނުމަށްފަހު، ސިގްނަލް ދިން ފަރާތް ނޫން އަނެއް ފަރާތަށް އެޅުމަކީ މަނާކަމެކެވެ.

(ކ) އެއްގަމު އުޅަނދު މަގުމަތީގައި ދުއްވާފައިދާއިރު، ގޯޅިއެޅުމުގެ ނުވަތަ އަނބުރާލުމުގެ ނުވަތަ މަޑުކުރުމުގެ ކުރިން ސިގުނަލް ދޭންވާނެއެވެ. އަދި ސިގުނަލް ނުދީ ގޯޅިއެޅުމާއި އަނބުރާލުމާއި މަޑުކުރުމަކީ މަނާކަމެކެވެ.

(އ) ދުއްވަމުންދާ އުޅަނދެއްގެ ކުރިއަރަން މަސައްކަތްކުރާ ވަގުތު، ކުރިއަރަން މަސައްކަތް ކުރާ އުޅަނދު ކުރިއަރާ ފަރާތް އެންގުމުގެ ގޮތުން ސިގުނަލް ނުދީ ކުރިއެރުމަކީ މަނާކަމެކެވެ.

(ވ) އެއްގަމު އުޅަނދު ދުއްވާއިރު، ގޯޅި އަޅާއިރު، ހުއްޓާއިރު، މަގުގެ އެއްފަރާތުން އަނެއްފަރާތަށް ދާއިރު، ފަހަތަށް ޖަހާއިރު، ނުވަތަ ދުއްވާފައިދާ އުޅަނދެއްގެ ފަހަތުންގޮސް ކުރިއަރާނަމަ ސިގްނަލެއް ދޭންވާނެއެވެ.

(މ) ދުއްވާފައިދާ އުޅަނދަކުންދޭ ސިގުނަލަށް އެފަދަ އުޅަނދު ދުއްވާ މީހުން  ސަމާލުކަންނުދީ މަގުމަތީގައި ދުއްވުމަކީ މަނާކަމެކެވެ. 

 

11 ވަނަ މާއްދާ - ބައްތީގެ އަސްލަށް ބަދަލު ގެނެސްގެން ނުވަތަ އިތުރު ބައްތިތަކާއި އަލިތައް ހަރުކޮށްގެން ދުއްވުން މަނާކުރުން

(ހ) އެއްގަމު އުޅަނދުގެ ހެޑްލައިޓާއި ޓެއިލްލައިޓާއި އަދި ސިގްނަލް ލައިޓްތަކުގެ ކަވަރަށާއި އައްޔަށް ބަދަލު ގެނެސްގެން ދުއްވުމަކީ މަނާކަމެކެވެ.

(ށ) އެއްގަމު އުޅަނދުގައި އުފެއްދުމުގައި ހަރުކޮށްފައިވާ ބައްތިތަކުގެ އަސްލަށް ބަދަލު ގެނެސްގެން ނުވަތަ އިތުރު ބައްތިތަކާއި އަލިތައް ހަރުކޮށްގެން ނުވަތަ އޭގެ ކުލައަށް ބަދަލުގެނެސްގެން ދުއްވުމަކީ މަނާކަމެކެވެ.

(ނ) މި ގަވާއިދުގެ 9 ވަނަ މާއްދާއާއި 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތައް ނޫންގޮތަކަށް އިތުރު އައްޔެއް ފެންނަގޮތަށް އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެކެވެ.

 

12 ވަނަ މާއްދާ - ބައިސްކަލް ދުއްވުމާއި އިންޖީނު ނުލައި ހުންނަ އުޅަނދު ދުއްވުން

(ހ) ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އާ ދެމެދު އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބައިސްކަލް ދުއްވަންވާނީ ކުރިއަށް ހުދު އައްޔެއް ފެންނަ ގޮތަށް ބައްތި ދިއްލައިގެން އަދި އުޅަނދުގެ ފަހަތުގައި ރިފްލެކްޓަރެއް ހަރުކޮށްގެންނެވެ.

(ށ) ބައިސްކަލް މަގުމަތީގައި ދުއްވާއިރު މަގަކަށް ނުކުންނަމުން ނުވަތަ މަގުގެ އެއް ފަރާތުން އަނެއް ފަރާތަށް ދަމުން ނުވަތަ އައިކޮޅަށް އަނބުރާލަމުން އެކަން އެނގޭނެގޮތަކަށް އަތުން އިށާރަތް ކުރަންވާނެއެވެ.

(ނ) ދުވާރުމަތީގައި ބައިސްކަލް ދުއްވުމާއި އަތުން ހިފައިގެން ދިއުމަކީ މަނާކަމެކެވެ.

(ރ) ބައިސްކަލުގައި ހަރުކޮށްފައި ހުންނަ ވަށިގަނޑަށް އަޅައިގެން ނޫންގޮތަކަށް ބައިސްކަލުގައި މުދާ އުފުލުމަކީ މަނާކަމެކެވެ.

(ބ) އެކަކަށްވުރެ ގިނަ މީހުންނަށް އެރޭގޮތަށް ބައިސްކަލުގައި ސީޓު ހަރުކޮށްފައިވާ ހާލަތެއްގައި މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދުއްވުން ފިޔަވައި، އެނޫން ގޮތަކަށް މީހުން އަރުވައިގެން މަގުމަތީގައި ބައިސްކަލު ދުއްވުމަކީ މަނާކަމެކެވެ.

(ޅ) މީލާދީ ގޮތުން 10 (ދިހައެއް) އަހަރު ނުފުރޭ ކުޑަކުދިން ބެލެނިވެރިއަކާއެކު މެނުވީ މަގުމަތީގައި ބައިސްކަލު ދުއްވުމަކީ މަނާކަމެކެވެ.

(ކ) އެއް ހަމައެއްގައި އެކުއެކީގައި ދެ ބައިސްކަލަށްވުރެ ގިނަ ބައިސްކަލް ދުއްވުމަކީ މަނާކަމެކެވެ.

(އ) ބައިސްކަލުގައި ދަމުން އެކަކު އަނެކަކު ބައިސްކަލުގައި ހިފަހައްޓައިގެން ނުވަތަ ކޮނޑަށް އަތްލައިގެން ނުވަތަ ގައިގައި ހިފަހައްޓައިގެން މަގުމަތީގައި ބައިސްކަލް ދުއްވުމަކީ މަނާކަމެކެވެ.

(ވ) މަގުމަތީގައި ދުއްވާފައިދާ ކޮންމެ ބައިސްކަލެއްގައި ރަނގަޅަށް ބައިސްކަލު މަޑުކުރެވޭ ވަރަށް ބުރަކި ޖެހެންވާނެއެވެ.

(މ) ބައިސްކަލު މަގުމަތީގައި ދުއްވާއިރު ބޭނުންކުރެވޭގޮތަށް ބައިސްކަލުގައި ރަނގަބީލު ހަރުކޮށްފައި ހުންނަންވާނެއެވެ.

(ފ) ޓްރެފިކް ނިށާންތަކާއި މަގުމަތީގައި ކުރަހާފައި ހުންނަ ކުރެހުންތަކާއި ހިލާފަށް ބައިސްކަލް ނުވަތަ ވީލްބަރޯ ނުވަތަ ޓްރޯލީ ފަދަ ތަކެތި ދުއްވުމާއި އަތުން ހިފައިގެން ދިއުމާއި ޕާކުކޮށް ހެދުމަކީ މަނާކަމެކެވެ.

 

13 ވަނަ މާއްދާ - މުއާސަލާތީ ވަސީލަތެއް ބޭނުންކުރުން

(ހ) އެއްގަމު އުޅަނދު ދުއްވާއިރު ދުއްވަން އިންނަ މީހާ، މޯބައިލް ފޯނާއި އަތުން ހިފައިގެން ބޭނުންކުރާ އެއްވެސް މުއާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ނުވަތަ ހިފައިގެން ދުއްވުމަކީ މަނާކަމެކެވެ.

(ށ) ހެޑްސެޓް ބޭނުންކުރުމާއި އެހެން މީހެއްގެ އެހީތެރިކަމާއެކު މޯބައިލް ފޯނުން ވާހަކަ ދައްކަމުން ދުއްވުމަކީ މަނާކަމެކެވެ.

(ނ) ޓެކްސީގެ ހިދުމަތްދޭ އުޅަނދުފަހަރުގައި ބޭނުންކުރާ ރޭޑިއޯސެޓް ފަދަ މުއާސަލާތީ ވަސީލަތްތަކާއި، އިމަރޖެންސީ ބަރުގޮނު އަޅާފައިދާ އާންމު ސަލާމަތާއި ރައްކައުތެރިކަމަށް ބޭނުންކުރާ އުޅަނދާއި އަސްކަރީ އުޅަނދުތަކުގައި މިނިސްޓްރީން ހަމަޖައްސާ ގޮތެއްގެ މަތިން މިނިސްޓްރީން ހުއްދަދޭ މުއާސަލާތީ ވަސީލަތްތައް ބޭނުންކުރެވިދާނެއެވެ.

 

14 ވަނަ މާއްދާ - ލަވަޖެހުމާއި އަޑުގަދަކުރުން

(ހ) ޓީވީ ބަލަމުން ނުވަތަ އެހެން ވަސީލަތެއް ބޭނުންކޮށްގެން ވީޑިއޯ ނުވަތަ އެނޫން އެފަދަ އެއްޗެއް ބަލަމުން އެއްގަމު އުޅަނދު ދުއްވުމާއި، އެހެން ފަރާތްތަކަށް އަޑުއިވޭވަރަށް ބާރަށް ލަވަޖަހައިގެން ނުވަތަ އަޑުގަދަކުރާ ބޭނުންކުރަމުން އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ހުއްދަ ދީފައިވާ ފަރާތަކުން ހުއްދަ ހޯދައިގެން ހާއްސަ އިވެންޓަކާ ގުޅިގެން ލަވަޖެހުމާއި އަޑުގަދަކުރާ ބޭނުންކުރަމުން ދުއްވުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

15 ވަނަ މާއްދާ - ސައިރަން ނުވަތަ ބީކަން އަޅާފައި އަންނަ އުޅަނދަކަށް ތަންދިނުން

(ހ) ސައިރަން އަޅައިގެން ނުވަތަ ބީކަން ޖައްސައިގެން ދުއްވާ އެމްބިއުލަންސެއް ނުވަތަ އަލިފާން ނިއްވާ އުޅަނދެއް ނުވަތަ ފުލުހުންގެ އުޅަނދެއް ނުވަތަ އެހެންވެސް ސަލާމަތީ އުޅަނދެއް ނުވަތަ ހުއްދަދީފައިވާ އެހެންވެސް އުޅަނދެއް އަންނަ ތަން ފެނިއްޖަނަމަ ނުވަތަ ސައިރަންގެ އަޑު އިވިއްޖެނަމަ ހިނގާމީހުންނާއި އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ދުއްވާ އެހެން އުޅަނދުތައް އެއްފަރާތަކަށް ޖެހި އެ އުޅަނދަކަށް އަވަހަށް ތަންދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފުވުމަކީ މަނާކަމެކެވެ.

 

16 ވަނަ މާއްދާ - މަގުހުރަސް ކުރާ މީހުންނަށް ތަންދިނުން

(ހ) ހިނގާމީހުން މަގު ހުރަސް ބޭނުންކުރާއިރު، ދުއްވަމުންދާ އުޅަނދެއް މަގު ހުރަސްކުރާ މީހުންނަށް ތަންނުދީ މަގު ހުރަސް މަތިން ދިއުމަކީ މަނާކެމެކެވެ.

(ށ) މަގު ހުރަސް ކަނޑައަޅާފައިނުވާ މަގުތަކުގައި މަގު ހުރަސްކުރާ މީހުންނަށް ދުއްވަމުންދާ އުޅަނދުތައް ތަން ދޭންވާނެއެވެ.

(ނ) ހިނގާ މީހުން މަގު ހުރަސްކުރުމުގައި ވީހާވެސް ސީދަލަށް މަގު ހުރަސްކުރުމަށް ބަލަންވާނެއެވެ.

 

ތިންވަނަ ބާބު 
ދުވެލީގެ މިން ގަނޑާއި ހެލްމެޓުގެ މިންގަނޑު

 

17 ވަނަ މާއްދާ - އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި އުޅަނދު ދުއްވުން

އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި އުޅަނދު ދުއްވަންވާނީ މި ބާބުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

18 ވަނަ މާއްދާ - ދުވެލީގެ މިންގަނޑު

(ހ) ވަކި މިންގަނޑެއްގައި އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި، އެ ސަރަހައްދެއްގައި ދުއްވުމަށް ކަނޑައަޅާފައިވާ މިންގަނޑާ ހިލާފަށް އުޅަނދު ދުއްވުމަކީ މަނާކަމެކެވެ.

(ށ) ވަކި މިންގަނޑެއްގައި ދުއްވުމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި، A1 އަދި A0 ގިންތީގެ އެއްގަމު އުޅަނދުތައް 30 (ތިރީސް) ކިލޯމީޓަރަށްވުރެ ބާރު ދުވެއްޔެއްގައި ދުއްވުމަކީ މަނާކަމެކެވެ.

(ނ) ވަކި މިންގަނޑެއްގައި ދުއްވުމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި، B1 ،B2 ،B3 ،B4 އަދި B0 ގިންތީގެ އެއްގަމު އުޅަނދުތައް 30 (ތިރީސް) ކިލޯމީޓަރަށްވުރެ ބާރު ދުވެއްޔެއްގައި ދުއްވުމަކީ މަނާކަމެކެވެ.

(ރ) ވަކި މިންގަނޑެއްގައި ދުއްވުމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި، C1 ،C2 ،C3 ،C4 އަދި C0 ގިންތީގެ އެއްގަމު އުޅަނދުތައް 20 (ވިހި) ކިލޯމީޓަރަށްވުރެ ބާރު ދުވެއްޔެއްގައި ދުއްވުމަކީ މަނާކަމެކެވެ.

(ބ) ވަކި މިންގަނޑެއްގައި ދުއްވުމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި، D0 އަދި V1 ގިންތީގެ އެއްގަމު އުޅަނދުތައް 15 (ފަނަރަ) ކިލޯމީޓަރަށްވުރެ ބާރު ދުވެއްޔެއްގައި ދުއްވުމަކީ މަނާކަމެކެވެ.

(ޅ) އުޅަނދު ކަފު ޖަހައިގެން 15 (ފަނަރަ) ކިލޯމީޓަރަށްވުރެ ބާރު ދުވެއްޔެއްގައި މަގުމަތީގައި ދުއްވުމަކީ މަނާކަމެކެވެ.

(ކ) ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ ދެ އުޅަނދު ދެކޮޅަށް އެއްފަހަރާ ނުދުއްވޭ ހަނި މަގުތަކުގައި 15 (ފަނަރަ) ކިލޯމީޓަރަށްވުރެ ބާރު ދުވެއްޔެއްގައި އުޅަނދު ދުއްވުމަކީ މަނާކަމެކެވެ.

 

19 ވަނަ މާއްދާ - 30 ކިލޯމީޓަރަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި އުޅަނދު ދުއްވުން

(ހ) 30 (ތިރީސް) ކިލޯމީޓަރަށްވުރެ ބާރު ދުވެއްޔެއްގައި އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދު ފެށޭ ހިސާބު އަންގައިދޭ ނިށާނެއްގެ ގޮތުގައި، އެ ސަރަހައްދުގައި އުޅަނދު ދުއްވޭނެ ބާރުމިން އަންގައިދޭ ބޯޑެއް ހަރުކުރެވިފައިވާ ހުންނަންވާނެއެވެ.

(ށ) 30 (ތިރީސް) ކިލޯމީޓަރަށްވުރެ ބާރަށް އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި A1 އަދި A0 ގިންތީގެ އުޅަނދެއް ދުއްވާއިރު، އުޅަނދު ދުއްވަން އިންނަ މީހާއާއި އުޅަނދުގެ ފަހަތުގައި އިންނަ މީހާ އިންނަންވާނީ ހެލްމެޓް އަޅައިގެންނެވެ.

(ނ) 30) ތިރީސް) ކިލޯމީޓަރަށްވުރެ ބާރަށް އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި A1 އަދި A0 ގިންތީގެ އުޅަނދެއްގައި، އުމުރުން 3) ތިނެއް) އަހަރުނުވާ ކުޑަކުދިން ނުވަތަ މީހެއްގެ އެހީއަކާ ނުލައި އިށީނދެގެން ނުއިނދެވޭވަރުގެ ކުޑަކުދިން އުފުލުމަކީ މަނާކަމެކެވެ.

(ރ) 30 (ތިރީސް) ކިލޯމީޓަރަށްވުރެ ބާރަށް އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި B0 ،B1 އަދި B2 ގިންތީގެ އުޅަނދެއް ދުއްވާއިރު، އުޅަނދު ދުއްވަން އިންނަ މީހާއާއި އުޅަނދުގައި ތިބޭ މީހުން ސީޓްބެލްޓް އަޅަންވާނެއެވެ.

(ބ) 30 (ތިރީސް) ކިލޯމީޓަރަށްވުރެ ބާރަށް އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި B3 ،B4 ،C3 އަދި C4 ގިންތީގެ އުޅަނދެއް 40 (ސާޅީސް) ކިލޯމީޓަރަށްވުރެ ބާރަށް ދުއްވުމަކީ މަނާކަމެކެވެ.

(ޅ) 30 (ތިރީސް) ކިލޯމީޓަރަށްވުރެ ބާރަށް އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި C3 އަދި C4 ގިންތީގެ އުޅަނދެއް ދުއްވާއިރު، ދުއްވަން އިންނަ މީހާ އިނުމަށް ހާއްސަކޮށްފައިވާ ބައި ހިޔާކޮށްފައި ނުވާނަމަ، އެފަދަ އުޅަނދެއް ދުއްވަންވާނީ، މި ގަވާއިދުގައި ބަޔާންކުރާ ހެލްމެޓް އެޅުމުގެ މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިން ހެލްމެޓް އަޅައިގެންނެވެ.

(ކ) 30 (ތިރީސް) ކިލޯމީޓަރަށްވުރެ ބާރަށް އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދު ނިމޭ ހިސާބު އަންގައިދިނުމަށް "ހުއްދަ ދުވެއްޔަށް ބަދަލުކުރޭ" ނިށާން ނުވަތަ ދުއްވަން ހުއްދަކުރާ "ދުވެލި ހުއްދަ" ނިށާން ހުންނަންވާނެއެވެ. އެފަދަ ނިށާނެއް ހަރުކޮށްފައިވާ ސަރަހައްދުން ފެށިގެން އުޅަނދު ދުއްވަންވާނީ އެ ސަރަހައްދެއްގައި ބަހައްޓާފައިވާ ނިށާނުން އަންގައިދޭ މިންގަނޑަށްވުރެ ބާރު ނޫން ދުވެއްޔެއްގައެވެ.

 

20 ވަނަ މާއްދާ - ހެލްމެޓްގެ މިންގަނޑުތައް

(ހ) މި ގަވާއިދުގެ ދަށުން ހެލްމެޓް އަޅަންޖެހޭ ހާލަތްތަކުގައި، އުޅަނދު ދުއްވާއިރު ބޭނުންކުރާ ހެލްމެޓުގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. ސައިކަލް ދުއްވާއިރު ބޭނުންކުރުމަށް ހާއްސަކޮށްފައިވާ އަދި ބޭނުންކުރާ ފަރާތުގެ ބޮލަށް ހެޔޮވަރު ހެލްމެޓަކަށްވުން.
  2. ހެލްމެޓް ބޭނުންކުރާ ފަރާތުގެ ދަތްދޮޅި ދަށުން ހަރުކުރެވޭ ގޮތަށް އެކަމަށް ހާއްސަ ކަމަރެއް ހަރުކޮށްފައިވާ ހެލްމެޓަކަށްވުން.
  3. ހެލްމެޓުގައި ނުވަތަ ކަމަރުގައި ތޫނު އެއްޗެއް ނުވަތަ ތޫނު ތަނެއް ނުވަތަ އެފަދަ އެހެންވެސް އެއްޗެއް ހަރުކޮށްފައިނެތުން.
  4. ހެލްމެޓުގައި ހަރުކޮށްފައިވާ ށީލްޑަކީ ސާފުކޮށް މޫނު ފެންނަފަދަ މެޓީރިއަލަކުން ހަދާފައިވާ އެއްޗެއްކަމުގައިވުން.
  5. ހެލްމެޓުގެ ކުލައަކީ، އެ ހެލްމެޓުގެ މައިގަނޑު ކުލައިގެ 90 (ނުވަދިހަ) އިންސައްތަ ހުރި އަދި ލޮލަށް އުދަނގޫ ނުވާފަދަ ކުލައަކަށްވުން.
  6. ބޭއަދަބީ މަންޒަރުތަކާއި ލިޔުންތައް އަދި އިސްލާމްދީނާއި ހިލާފު މަންޒަރެއް ނުވަތަ ލިޔުމެއް ހެލްމެޓުގައި ނެތުން.
  7. ރަޖިސްޓަރީކޮށްފައިނުވާ ޖަމާއަތެއް ނުވަތަ ގްރޫޕެއް ރަމްޒުކޮށްދޭ ކުރެހުމެއް ނުވަތަ ލިޔުމެއް ހެލްމެޓުގައި ނެތުން.
  8. މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މިންގަނޑަކަށް ފެތޭ ހެލްމެޓަކަށްވުން. ގަވާއިދުގެ ޖަދުވަލު 1 ގައި ހިމެނޭ ނަމޫނާގެ ހެލްމެޓަކަށްވުން.

(ށ) ތިރީގައި ބަޔާންކޮށްފައިވާ ބައިނަލްއަގްވާމީ މިންގަނޑުތަކަކީ، މި ގަވާއިދުގެ ބޭނުމަށް ދިވެހިރާއްޖޭގައި ބޭނުންކުރާ ހެލްމެޓްއެޅުމުގައި ގަބޫލުކުރެވޭނެ މިންގަނޑުތަކެކެވެ.

  1. 05.22 ECE (ޔޫރަޕިއަން ސްޓޭންޑަޑް):
  2. 1992:SS9 (ސިންގަޕޫރު ސްޓޭންޑަޑް):
  3. 517 SLS (ސްރީލަންކަން ސްޓޭންޑަޑް):
  4. 4151 IS (އިންޑިއަން ސްޓޭންޑަޑް):
  5. 2539-369 TIS (ތައި ސްޓޭންޑަޑް):
  6. 2010-811 GB (ޗައިނީސް ސްޓޭންޑަޑް):
  7. 1985:6658 SB (ބްރިޓިށް ސްޓޭންޑަޑް):
  8. 85-6658 SBI (ޔޫ.އެސް އާއި ކެނެޑާ ސްޓޭންޑަޑް):
  9. 2006:1698 NZ/AS (އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑް ސްޓޭންޑަޑް):
  10. 2018 FMVSS (ޔޫ.އެސް ސްޓޭންޑަޑް).

 

ހަތަރުވަނަ ބާބު

ނުރައްކައު ތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުން

 

21 ވަނަ މާއްދާ - ނުރައްކައުތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުން

(ހ) ނުރައްކައުތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެކެވެ.

(ށ) ނުރައްކައުތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުންކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކުރާ ކަންތައްތައް ހިމެނޭގޮތުން އެއްގަމު އުޅަނދު ދުއްވުމަށެވެ.

  1. މަގުތަކުގައި ކަތިކައްޗަށް (ޒިގްޒެގްކޮށް) މަގު ހުރަސްވާގޮތަށް ބާރު ސްޕީޑްގައި އެއްގަމު އުޅަނދު ދުއްވުން؛
  2. ސައިލެންސަރުން އަޑުގަދަކޮށްގެން އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އުޅަނދަށް ބަދަލު ގެނެސްގެން (މޮޑިފައިކޮށްގެން) އެއްގަމު އުޅަނދު ދުއްވުން؛
  3. ހަރު ގާނަމުން އެއްގަމު އުޅަނދު ދުއްވުން؛
  4. ގޯޅިއަކަށް ނުވަތަ މަގަކަށް ނުކުންނައިރު ނުވަތަ މަގުތަކުގައި ދުއްވާއިރު ދުވެލިމަތަ (ބަންޕަރު) އަށް މަޑުނުކޮށް ބާރު ސްޕީޑުގައި އުޅަނދު ދުއްވުން؛
  5. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއާއި އެ އޮތޯރިޓީން ކަނޑައަޅާ އިދާރާތަކުން ހުއްދަ ނުނަގައި، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ރޭސްޖަހަން ދުއްވުމާއި ހުނަރު ދެއްކުމުގެ ގޮތުން އެއްގަމު އުޅަނދު ދުއްވުން؛
  6. މަގުތަކުގައި ދުއްވާ އެހެން ވެހިކަލްތަކަށް ޖާގަނުދީ، ރައްކައުތެރިކަމާއެކު ކުރިއަރައިގެންދާނެ ޖާގަނެތި ނުރައްކައުތެރިކޮށް އޯވަރޓޭކްކުރަމުން އުޅަނދު ދުއްވުން؛
  7. މަސްތުގެ ހާލަތުގައި ހުރެގެން ނުވަތަ މަސްތުވާ އެއްޗެއް ބޭނުންކޮށްގެން އެއްގަމު އުޅަނދު ދުއްވުން.

(ނ) ނުރައްކައުތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވަނިކޮށް، ފުލުހުން އެ އުޅަނދު ހުއްޓަން ބުނުމުން އުޅަނދު ނުހުއްޓައި ދިއުމަކީ މަނާކަމެކެވެ. މިފަދަ އުޅަނދެއް ދުއްވަނިކޮށް ނުވަތަ ޕާކުކޮށްފައި ހުއްޓައި ފެނިއްޖެނަމަ އެ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދާމެދު އަމަލުކުރާނީ މި މިނިސްޓްރީން އެކުލަވައިލާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.

 

ފަސް ވަނަ ބާބު

އަދަބުތައް

 

22 ވަނަ މާއްދާ - އެއްގަމު އުޅަނދު ދުއްވުމުގެ ދުވެލީގެ މިންގަނޑާ ހިލާފުވުމުން ދެވޭ އަދަބު

މި ގަވާއިދުގައި ކަނޑައަޅާފައިވާ ދުވެލީގެ މިންގަނޑާ ހިލާފަށް އެއްގަމު އުޅަނދު 
ދުއްވި މީހާގެ އަދަބަކީ:

(ހ) ފުރަތަމަ ފަހަރަށްނަމަ، 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު އެކަން ތަކުރާރުކޮށްފިނަމަ ވާނެގޮތް ބުނެދީ ނަސޭހަތްތެރިވުމެވެ.

(ށ) ދެވަނަ ފަހަރަށްނަމަ 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު އެ އުޅަނދު ދުއްވި މީހާގެ ލައިސަންސް 48 (ސާޅީސް އަށެއް) ގަޑިއިރަށް ހިފެހެއްޓުމެވެ. އަދި 48) ސާޅީސް އަށެއް) ގަޑިއިރަށްވުރެ އިތުރަށް ލައިސަންސް ހިފަހައްޓަން ޖެހިއްޖެނަމަ ކޯޓު އަމުރެއްގެ ދަށުން އެ މީހެއްގެ ލައިސަންސް ހިފެހެއްޓުމެވެ.

(ނ) ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު 1،000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެ ފަރާތަކުން ދުއްވި އުޅަނދު 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދާމެދު އަމަލުކުރާނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާބެހޭ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.

 

23 ވަނަ މާއްދާ - ނުރައްކައުތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވުމުން ދެވޭ އަދަބު

(ހ) މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުމެއް ލިބިދާފަދަ ގޮތެއްގައި ނުރައްކައުތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވި މީހާގެ އަދަބަކީ:

  1. ފުރަތަމަ ފަހަރަށް ނަމަ (2،000) (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
  2. ދެވަނަ ފަހަރަށް ނަމަ (4،000) (ހަތަރުހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
  3. ދެފަހަރަށްވުރެ ގިނަ ފަހަރަށް ނަމަ، އިތުރުވާ ކޮންމެ ފަހަރަކު 6،000 (ހަހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް 1 (އެކެއް ) އަހަރުދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ހިފެހެއްޓުމެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަދަބު ކަނޑައެޅުމުގެ އިތުރުން، އެ ފަރާތަކުން ދުއްވި އުޅަނދު 30 (ތިރީސް) ދުވަހުގެ މުއްދަތަށް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ނ) ގެ ދަށުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދާމެދު އަމަލުކުރާނީ މި މިނިސްޓްރީން އެކުލަވައިލާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.

(ރ) ނުރައްކައުތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވައިގެން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، އެ އުޅަނދު ދުއްވި މީހާގެ މައްޗަށް ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން ޖިނާއީ ދައުވާ އުފުލުމުގެ އިތުރުން، އޭނާގެ ލައިސަންސް 10 (ދިހައެއް) އަހަރުދުވަހާއި 25 (ފަންސަވީސް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން އިހްތިޔާރު ދީފައިވާ ފަރާތަކަށް ލިބިގެންވެއެވެ.

(ބ) ނުރައްކައުތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވައިގެން މީހެއްގެ ހަށިގަނޑަށް ލިބޭ ގެއްލުމެއްގެ ސަބަބުން، އެ އުޅަނދު ދުއްވި މީހާގެ މައްޗަށް ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން ޖިނާއީ ދައުވާ އުފުލުމުގެ އިތުރުން، ހަށިގަނޑަށް ލިބުނު ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި އެ އުޅަނދު ދުއްވި މީހާގެ ލައިސަންސް 6 (ހައެއް ) މަސްދުވަހާއި 5 (ފަހެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން އިހްތިޔާރު ދީފައިވާ ފަރާތަކަށް ލިބިގެންވެއެވެ.

 

24 ވަނަ މާއްދާ - އުޅަނދުގައި މީހުން އުފުލޭ އެންމެ ގިނަ އަދަދަށްވުރެ އިތުރަށް މީހުން އުފުލުމުގެ އަދަބު

އެއްގަމު އުޅަނދެއްގައި މީހުން އުފުލުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން އުފުލައިފިނަމަ، އުޅަނދު ދުއްވި މީހާ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. 

 

25 ވަނަ މާއްދާ - އެހެނިހެން ކުށްތަކުގެ އަދަބު

މި ގަވާއިދުގައި މަނާކަމެއް ކަމުގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން އެކަމަކަށް ވަކި އަދަބެއް ކަނޑައެޅިނުވާ ނުވަތަ މި ގަވާއިދުގައި އަދަބު ކަނޑައެޅިނުވާ ކަމެއް މި ގަވާއިދާ ހިލާފަށް ކޮށްފިނަމަ، އެއިން ކޮންމެ ކަމެއްގެ އަދަބަކީ 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

 

ހަވަނަ ބާބު

އެހެނިހެން

 

26 ވަނަ މާއްދާ - މަގުމަތީގައި ހިނގާ މީހުންގެ ޒިންމާ

(ހ) އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިނގާފައި އުޅޭ މީހުން މަގު ހުރަސްކުރަންވާނީ އެ ކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުންނެވެ. ނުވަތަ މަގު ހުރަސް ކަނޑައަޅާފައި ނުވާ މަގުތަކާއި ގޯޅިތަކުގައިނަމަ، މަގުގެ ދެކޮޅުބަލައި، ރައްކައުތެރިކަމާއެކު މަގު ހުރަސްކުރުމަށް ޖާގަ ލިބުމުން މަގުހުރަސްކުރެވިދާނެއެވެ.

(ށ) ކުޑަކުއްޖަކު އެކަނި މަގު ހުރަސް ކުރުމަށް ދޫކޮށްލުމަކީ މަނާކަމެކެވެ.

(ނ) ހިނގާ މީހުން ހަތަރު އަނގޮޅިއަކުން މަގު ހުރަސްކުރާނަމަ، ހަތަރު މަގަށާއި ފަހަތުން ދުއްވާފައި އަންނަ އުޅަނދުތަކަށް ސަމާލުކަންދޭންވާނެއެވެ.

(ރ) މަގު ހުރަސްކުރާ ތަނަކުން ފުރޮޅުލީ ގޮނޑިއެއްގައި އިންނަ މީހަކު މަގު ހުރަސްކުރަންވާނީ، ދުއްވަމުންދާ އުޅަނދުތައް ހުއްޓުމަށް އިށާރާތްކުރުމަށްފަހު މަގު ހުރަސްކުރުމަށް އެކަށީގެންވާ ޖާގަ ލިބުމުންނެވެ.

(ބ) ހިނގާ މީހުން ދުއްވަމުންދާ އުޅަނދުތަކަށް ދަތިވާގޮތަށް މަގުމަތީގައި ވާހަކަދައްކަން ތިބުމާއި މަގު މެދުން ހިނގުމަކީ މަނާކަމެކެވެ.

 

27 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް ދިމާވުން

މި ގަވާއިދުގައި ނެތްކަމެއް ދިމާވެއްޖެނަމަ، އެކަމާމެދު ގޮތެއް ނިންމާނީ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ.

 

28 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

29 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅި ގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް އެ ވަގުތަކު ސަރުކާރުން ހަމަޖައްސާފައިވާ ވުޒާރާއަށެވެ.

(ށ) "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-03 (މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ.

(ނ) "ފުލުހުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ގާއިމުކޮށްފައިވާ ދިވެހި ފުލުހުންގެ ހިދުމަތަށެވެ.

(ރ) "ދުންފަތުގެ އިސްތިއުމާލުކުރުން" ކަމަށް ބުނެފައި އެވަނީ، ދުންފަތް ހިމެނޭ ނުވަތަ ނުހިމެނޭ އެއްޗަކުން އުފެދޭ ދުން އަނގައިން ނުވަތަ ނޭފަތުން އެތެރެއަށް ދެމުން ނުވަތަ އެއިން ތަނަކުން ބޭރުކުރުން ނުވަތަ އެފަދަ އެއްޗަކުން ވަސްދެމުމެވެ.

 

"ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ވަސީލަތެއް ހިފައިގެން ދުއްވުން" ކަމަށް ބުނެފައި އެވަނީ، ދުންފަތް ހިމެނޭ ނުވަތަ ނުހިމެނޭ އެއްޗަކުން އުފެދޭ ދުން އަނގައިން ނުވަތަ ނޭފަތުން އެތެރެއަށް ދަމަމު ން ނުވަތަ އެއިން ތަނަކުން ބޭރުކުރަމުން ދުއްވާ ދުއްވުމަށެވެ.

(ބ) "ބަރުގޮނު" ކަމަށް ބުނެފައި އެވަނީ، އަޑުނެރުމަށް އުޅަނދުގައި ހަރުކޮށްފައި ހުންނަ ކޮންމެ ވަސީލަތަކަށެވެ.

(ޅ) "A1 "ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ 50 (ފަންސާސް) ސީސީ ހަމަނުވާ މޮޓޯސައިކަލާއި، ނުކުޅެދޭ މީހުންނަށް ހާއްސަ ކުރެވިފައިވާ އެއްގަމު އުޅަނދާއި، ކަރަންޓް ބޭނުންކޮށްގެންނާއި އިރުގެ ހަކަތަ ނުވަތަ ބެޓެރީ ހަކަތަ ބޭނުންކޮށްގެންނާއި ނުވަތަ އެނޫންވެސް ހަކަތައިގެ އެހީގައި ބޭނުންކުރެވިދާނެ ސައިކަލާއި ބައިސްކަލް ފަދަ އެއްގަމު އުޅަނދެވެ؛

(ކ) "A0" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، 50 (ފަންސާސް) ސީސީން ފެށިގެން މަތީގެ މޮޓޯސައިކަލާއި އޮޓޯސައިކަލެވެ؛

(އ) "B1" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ އިށީނުމުގެ ޖާގަ 9 (ނުވައެއް) މީހުނަށްވުރެ އިތުރުނުވާ އެއްގަމު އުޅަނދެވެ؛

(ވ) "B2" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ އިށީނުމުގެ ޖާގަ 10 (ދިހައެއް) އިން ފެށިގެން 19 (ނަވާރަ) މީހުނަށްވުރެ އިތުރުނުވާ އެއްގަމު އުޅަނދެވެ؛

(މ) "B3" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ އިށީނުމުގެ ޖާގަ 3 (ތިނެއް) މީހުންނަށް ވުރެ އިތުރުނުވާ 3 (ތިނެއް) ފުރޮޅުލީ ފަސިންޖަރުން އުފުލާ އުޅަނދެވެ؛

(ފ) "B4" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ އިށީނުމުގެ ޖާގަ 4 (ހަތަރެއް) މީހުންނަށް ވުރެ އިތުރުވާ 3 (ތިނެއް) ފުރޮޅުލީ ފަސިންޖަރުން އުފުލާ އުޅަނދެވެ؛

(ދ) "B0" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ އިށީނުމުގެ ޖާގަ 20 (ވިހި) މީހުނަށްވުރެ އިތުރަށް މީހުން އުފުލޭ އެއްގަމު އުޅަނދެވެ؛

(ތ) "C1" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މުދާ އުފުލާ އުޅަނދުފަހަރު، އުފުލޭ ބަރުދަން 2000) ދެހާސް) ކިލޯ (2 ޓަނު) ހަމަނުވާ އެއްގަމު އުޅަނދެވެ؛

(ލ) "C2" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މުދާ އުފުލާ އުޅަނދުފަހަރު، އުފުލޭ ބަރުދަން 2000) ދެހާސް) ކިލޯ (2 ޓަނު) އިން ފެށިގެން 4000 (ހަތަރުހާސް) ކިލޯ (4 ޓަނު) ހަމަނުވާ އެއްގަމު އުޅަނދެވެ؛

(ގ) "C3" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މުދާ އުފުލާ، އުފުލޭ ބަރުދަން 1 (އެކެއް) ޓަނަށް ވުރެ ދަށުގެ ޓްރައިސައިކަލެވެ؛

(ޏ) "C4" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މުދާ އުފުލާ، އުފުލޭ ބަރުދަން 1 (އެކެއް) ޓަނުން ފެށިގެން މަތީގެ ޓްރައިސައިކަލެވެ؛

(ސ) "C0" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މުދާ އުފުލާ އުޅަނދުފަހަރު، އުފުލޭ ބަރުދަން 4000 ކިލޯ (4 ޓަނު) އިން ފެށިގެން މަތީގެ އެއްގަމު އުޅަނދެވެ؛

(ޑ) "D0" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، އާރޓިކިއުލޭޓެޑް އުޅަނދުފަހަރު ނުވަތަ 3 އެކްސެލަށްވުރެ ގިނަ އެކްސެލް ހުންނަ އެއްގަމު އުޅަނދެވެ؛

(ޒ) "V1" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މަސައްކަތު ދާއިރާގައި ގެންގުޅޭ ވެހިކިއުލަރ އިކުވިޕްމަންޓުގެ ގޮތުގައި ބަލާ ފޯކްލިފްޓް، އެކްސްކަވޭޓަރ، ލޯޑަރ ނުވަތަ ބުލްޑޯޒަރ، ސޭލާ ފަދަ ބަރު އުޅަނދެވެ.

 

ޖަދުވަލު 1

މައި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު