-

އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-170)

1 ވަނަ މާއްދާ - ތައާރަފު 

(ހ) މި ގަވާއިދަކީ، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކަށް އުޅަނދުގެ އަދަދު ކަނޑައެޅުމުގައްޔާއި އެކަން ތަންފީޛު ކުރުމުގައި އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތްތަކުން އަމަލުކުރަންޖެހޭނެ އަސާސީ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 24 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 3 މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ނ) މި ގަވާއިދަށް ކިޔާނީ، "އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ރަށްރަށާއި ސިޓީތަކާއި އެ ނޫންވެސް ސަރަހައްދުތަކުގައި ބޭނުންކުރެވޭނެ އުޅަނދުތަކުގެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅާ ފަރާތްތަކުން އަމަލުކުރަންޖެހޭ އަސާސީ މިންގަނޑުތަކާއި އެ މިންގަނޑުތަކާ އެއްގޮތަށް އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށްފަހުގައި އެކަން ތަންފީޛު ކުރުމުގައި އަމަލުކުރަންޖެހޭ އާންމު އުސޫލުތައް ބަޔާންކުރުމެވެ. 

 

3 ވަނަ މާއްދާ -  ގަވާއިދު ހިންގާ ފަރާތް 

މި ގަވާއިދު ހިންގާނީ، ސިނާއީ މަސައްކަތަށް ދޫކޮށްފައިވާ ސަރަހައްދެއްގައި ނަމަ،މިނިސްޓްރީންނެވެ. އަދި ވަކިވަކި ރަށްރަށާއި ސިޓީތަކުގައި މި ގަވާއިދު ހިންގާނީ އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުންނެވެ.

 

4 ވަނަ މާއްދާ - އުޅަނދުތަކުގެ އަދަދު ކަނޑައެޅުން 

މި ގަވާއިދުގެ ބޭނުމަށް އުޅަނދުތަކުގެ އަދަދު ކަނޑައެޅުން ކަމުގައި ބުނެފައި އެވަނީ އަންނަނިވި ކަންކަމަށެވެ.

(ހ) ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކާއި މީހުން ދިރިނޫޅޭ ރަށްރަށާއި ސަރަހައްދުތަކުގައި ބޭނުންކުރުމަށް ޓަކައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދެވޭނެ އެންމެ ގިނަ އަދަދު، އެއިން ކޮންމެ ތަނަކަށް ވަކީން، އަދި އެކި ބާވަތުގެ އުޅަނދުތަކަށް ވަކީން ކަނޑައެޅުން.

(ށ) ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކާއި މީހުން ދިރިނޫޅޭ ރަށްރަށާއި ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު، އެއިން ކޮންމެ ތަނަކަށް ވަކީން، އަދި އެކި ބާވަތުގެ އުޅަނދުތަކަށް ވަކީން ކަނޑައެޅުން.

(ނ) ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ މީހުން ދިރިނޫޅޭ ވަކި ރަށެއްގައި ނުވަތަ ސަރަހައްދެއްގައި ބޭނުންކުރުމަށް ޓަކައި، ވަކިވަކި ފަރުދުންގެ ނަމުގައްޔާއި، ވިޔަފާރިއެއްގެ ނަމުގައި ނުވަތަ ކުންފުންޏެއްގެ ނަމުގައްއި، ދައުލަތުގެ އިދާރާއެއްގެ ނަމުގައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދެވޭނެ އެންމެ ގިނަ އަދަދު ކަނޑައެޅުން. 

 

5 ވަނަ މާއްދާ - އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތް

(ހ) ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުގައި ނުވަތަ އެ ރަށްރަށާއި ސިޓީތަކުން ވަކި ސަރަހައްދެއްގައި ބޭނުންކުރުމަށް އުޅަނދުތަކުގެ އަދަދު ކަނޑައަޅާނީ، އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ލޯކަލް ކައުންސިލްގެ އިދާރާއިންނެވެ.

(ށ) މީހުން ދިރިނޫޅޭ ސިނާއީ ރަށްރަށާއި ސަރަހައްދުތަކުގައި ބޭނުންކުރުމަށް އުޅަނދުތަކުގެ އަދަދު ކަނޑައަޅާނީ މިނިސްޓްރީންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށްފަހު، އުޅަނދުތަކުގެ އަދަދު ކަނޑައެޅި ފަރާތުން އެކަން އާންމުކޮށް ފެންނަން ހުންނާނޭހެން ށާއިއުކޮށް، އިއުލާނު ކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަނޑައަޅާ އަދަދާ އެއްގޮތަށް އަމަލުކުރަން ފަށަންވާނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކަން އިއުލާނުކުރާތާ މަދުވެގެން 6 (ހައެއް) މަސްދުވަހުގެ ފަހުންނެވެ.

 

6 ވަނަ މާއްދާ - އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގައި ބަލަންޖެހޭ އަސާސީ ކަންކަން

(ހ) އަންނަނިވި ކަންކަމަކީ އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތުން ބަލައި ރިއާޔަތް ކުރަންޖެހޭނެ އަސާސީ ކަންކަމެވެ. 

  1. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގެ ނުވަތަ ސިޓީގެ ނުވަތަ ސަރަހައްދުގެ މީހުންގެ އާބާދީ؛
  2. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި ބޭނުންކުރަމުންދާ އެއްގަމު އުޅަނދުގެއަދަދު؛
  3. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގަ އި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅައިފައިވާ މަގުތަކާއި، ޕާކުކުރުމަށް ކަނޑައަޅައިފައިވާ ސަރަހައްދުގެ ބޮޑުމިން.

(ށ) އުޅަނދުތަކުގެ އަދަދު ކަނޑައަޅަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމާއި، އެއިން ކޮންމެ ކަމެއް އަނެއް ކަމަކާ ގުޅުވައިލުމުން ނުކުންނަ ނަތީޖާތައް ދެނެގަތުމަށް ޓަކައި، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެސެސްމަންޓްތައް ހެދުމަށްފަހުގައި، އެ އެސެސްމަންޓްތަކުގެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށެވެ.

 

7 ވަނަ މާއްދާ - އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ޓަކައި އެސެސްމަންޓް ހެދުން

(ހ) އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ޓަކައި ، އަންނަނިވި ކަންކަމާ ގުޅޭ ތަފުސީލީ އެސެސްމަންޓްތައް، އެކަމާ ގުޅޭ މާހިރުންގެ ލަފަޔާއެކު، އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތުން ހަދަންވާނެއެވެ.

  1. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އާބާދީއާއި، އާބާދީ އިތުރުވަމުންދާ ނިސްބަތް؛
  2. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށަށް ނުވަތަ ސިޓީއަށް ނުވަތަ ސަރަހައްދަށް ޒިޔާރަތްކުރާ މީހުންގެ އާބާދީއާއި، އާބާދީ އިތުރުވަމުންދާ ނިސްބަތް؛
  3. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގެ ނުވަތަ ސިޓީގެ ނުވަތަ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ތަންތަނުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމަށާއި އެއްގަމު އުޅަނދު ޕާކުކުރުމަށް ހާއްސަކޮށްފައިވާ މަގުތަކާއި ސަރަހައްދުތަކުގެ ޖުމުލަ ބޮޑުމިން؛
  4. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި، ހަފުތާގެ އެކި ދުވަސްތަކުގައްޔާއި، އެކި ދުވަސްތަކުގެ އެކި ގަޑިތަކުގައި އެއްގަމު އުޅަނދު ދުއްވަމުންދާ އަދަދާއި، އުޅަނދު ބޭނުންކުރަމުންދާ މީހުންގެ އަދަދު؛
  5. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި، އެއްގަމު އުޅަނދު ދުއްވަމުންދާ އަދަދު އެންމެ ގިނަވާ ގަޑިތައް (ޕީކް އަވަރ)؛
  6. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި އާންމު ދަތުރުފަތުރުގެ ނިޒާމު ހަމަޖެހިފައިވާ މިންވަރު؛
  7. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި، ހަފުތާގެ އެކި ދުވަސްތަކުގައްޔާއި، އެކި ދުވަސްތަކުގެ އެކި ގަޑިތަކުގައި އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާ މީހުންގެ އަދަދު؛
  8. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި، އެއްގަމު އުޅަނދު ދުއްވުމަށާއި ޕާކުކުރުމަށް، ދުއްވާ މަގުތަކާއި ޕާކުކުރާނެ ސަރަހައްދު އިތުރުކުރެވެން އޮތް މިންވަރު؛ 
  9. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި ބޭނުންކުރުމަށް އާންމުގޮތެއްގައި އެތެރެކުރާ އުޅަނދުގެ އަދަދާއި އުޅަނދުގެ ބާވަތްތައް؛
  10. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި ބޭނުންކުރުމަށް އާންމުގޮތެއްގައި އެތެރެކުރާ އުޅަނދުގެ އުމުރު ؛
  11. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި ބޭނުންކުރާ އެއްގަމު އުޅަނދުތައް ބޭނުންކުރުމަށް އެކަށޭނަ އެންމެ ދިގު މުއްދަތު؛
  12. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި ބޭނުންކުރާ އެއްގަމު އުޅަނދުތައް އާންމުގޮތެއްގައި ބޭނުންކުރާ އެންމެ ދިގު މުއްދަތު؛
  13. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި ބޭނުންކުރުމަށް އެތެރެކުރެވޭ އުޅަނދުތަކުގެ އަގުތައް؛
  14. އުޅަނދުތަކު ގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގެ ނުވަތަ ސިޓީގެ ނުވަތަ ސަރަހައްދުގެ އާބާދީގެ ނިސްބަތުން އަމިއްލަ އެއްގަމު އުޅަނދު ބޭނުންކުރާ ނިސްބަތާއި، އެ އުޅަނދުގެ ބާވަތްތައް؛
  15. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގެ ނުވަތަ ސިޓީގެ ނުވަތަ ސަރަހައްދުގެ އާބާދީގެ ނިސްބަތުން އާންމު ދަތުރުފަތުރުގެ ނިޒާމުބޭނުންކުރާ ނިސްބަތް؛
  16. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި ބޭނުންކުރާ އެއްގަމު އުޅަނދުގެ ނިސްބަތުން ވިޔަފާރީގެ ބޭނުންތަކުގައި ބޭނުންކުރާ އުޅަނދުގެނިސްބަތާއި އެފަދަ އުޅަނދުގެ ބާވަތްތައް؛
  17. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ސަރަހައްދުތަކުގައި ހިމެނޭ ރިޒޯޓްތަކާއި ގެސްޓްހައުސް ހިންގާ ރަށްރަށުގައި ފަތުރުވެރިކަމުގެ ބޭނުމަށް ބޭނުންކުރާ އުޅަނދުގެ ނިސްބަތާއި ބާވަތްތައް؛
  18. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި ބޭނުންކުރާ އެއްގަމު އުޅަނދުގެ ނިސްބަތުން އެ ތަނެއްގެ ސިނާއީ މަސައްކަތްތަކަށް ބޭނުންކުރާ އުޅަނދުގެ ނިސްބަތާއި، އެފަދަ އުޅަނދުގެ ބާވަތްތައް؛
  19. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގެ ސަބަބުން، އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި އެއްގަމު އުޅަނދުގެ ވިޔަފާރިކުރާ ފަރާތްތަކާއި، އުޅަނދު ގަންނަން ބޭނުންވާ ފަރާތްތަކަށް އަންނާނެ ފައިނޭންށަލް އިމްޕެކްޓް؛
  20. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގެ ސަބަބުން، އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ސިޓީގެ ނުވަތަ ރަށުގެ ނުވަތަ ސަރަހައްދުގެ ތިމާވެށްޓަށް ކުރާނެ އިމްޕެކްޓް؛
  21. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގެ ސަބަބުން، އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގެ ނުވަތަ ސިޓީގެ ނުވަތަ ސަރަހައްދުގެ އިގްތިސާދަށާއި، އެކަމުގެ ސަބަބުން މުޅި ގައުމުގެ އިގްތިސާދަށް އަންނާނެ ފައިނޭންށަލް އިމްޕެކްޓް.

(ށ) މި މާއްދާގެ (ހ) ގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތް ނަމަވެސް، އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ޓަކައި ބޭނުންވެދާނެ މުހިންމު ޑޭޓާއެއް ހޯދުމުގެ ބޭނުމުގައި، އިތުރު އެސެސްމަންޓްތައް ހެދުމުގެ އިހްތިޔާރު، އަދަދު ކަނޑައަޅާ ފަރާތަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގެ އަސާސީ މިންގަނޑު

(ހ) އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކަށް ވާންޖެހޭނީ، އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގެ ނުވަތަ ސިޓީގެ ނުވަތަ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ތަންތަނުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމަށާއި އެއްގަމު އުޅަނދު ޕާކުކުރުމަށް ހާއްސަކޮށްފައިވާ މަގުތަކާއި ސަރަހައްދުތަކުގެ ޖުމުލަ ބޮޑުމިން، އަންނަނިވި ކެޓަގަރީތަކަށް ނިސްބަތުން ބަހައިލުމަށްފަހުގައި، އެއިން ކޮންމެ ކެޓަގަރީއަކަށް ކަނޑައެޅޭ ނިސްބަތް އެގޮތުގައި ހިފެހެއްޓުމެވެ.

  1. ހުސްޖާގައަށް ނުވަތަ މަގުތައް ފެހިކުރުމަށް ޓަކައި؛
  2. އާންމު ދަތުރުފަތުރުގެ ނިޒާމުގެ އުޅަނދުތަކަށް؛
  3. އަމިއްލަ އުޅަނދުތަކަށް؛
  4. ވިޔަފާރީގައި ބޭނުންކުރާ އުޅަނދުތަކަށް؛
  5. ސިނާއީ މަސައްކަތްތަކުގައި ބޭނުންކުރާ އުޅަނދުތަކަށް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ކެޓަގަރީތަކަށް ނިސްބަތް ކަނޑައަޅާނީ، އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތުންނެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތް ނަމަވެސް، މި މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ކެޓަގަރީތަކަށް ނިސްބަތް ކަނޑައަޅަންވާނީ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ހަދާ އެސެސްމަންޓްތަކުގެ އަލީގައި ލިބޭ މައުލޫމާތާއި ސްޓެޓިސްޓިކަލް ޑޭޓާގެ މައްޗަށް ބިނާކޮށެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގެ ދަށުން ނިސްބަތް ކަނޑައެޅުމުގައި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހުސްޖާގައިގެ ކެޓަގަރީއަށް ނުވަތަ މަގުތައް ފެހިކުރުމުގެ ކެޓަގަރީއަށް ކަނޑައެޅޭ ނިސްބަތް، އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގެ ނުވަތަ ސި ޓީގެ ނުވަތަ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ތަންތަނުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމަށާއި އެއްގަމު އުޅަނދު ޕާކުކުރުމަށް ހާއްސަކޮށްފައިވާ މަގުތަކާއި 
ސަރަހައްދުތަކުގެ ޖުމުލަ ބޮޑުމިނުގެ %10 (ދިހައެއް އިންސައްތަ) އަށްވުރެ ކުޑަވެގެން ނުވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ކެޓަގަރީތައް ވަކި ސަބް-ކެޓަގަރީތަކަށް ބަހައިލައި، އެއިން ކޮންމެ ސަބް-ކެޓަގަރީއަކަށް ޖެހޭނެ ނިސްބަތް ވަކިން ކަނޑައެޅުމުގެ އިހްތިޔާރު، އަދަދު ކަނޑައަޅާ ފަރާތަށް ލިބިގެންވެއެވެ.

9 ވަނަ މާއްދާ - އުޅަނދުތަކުގެ އަދަދާ އެއްގޮތަށް އުޅަނދު ރަޖިސްޓަރީ ކޮށްދިނުމުގެ އުސޫލު 

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އާންމު މިންގަނޑުތަކާ އުސޫލުތަކާ އެއްގޮތަށް އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށްފަހުގައި، އެ އަދަދުގެ ދަށުން އުޅަނދު ރަޖިސްޓަރީކޮށްދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތުގެ އުސޫލެއް އެކުލަވައިލައި، އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތުން އެ އުސޫލު އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އުޅަނދު ރަޖިސްޓަރީކޮށްދިނުމުގެ އުސޫލު އެކުލަވައިލުމުގައި، އަދަދު ކަނޑައަޅާ ފަރާތްތަކުން ، އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. އުޅަނދު ރަޖިސްޓަރީ ކުރުމުގެ އުސޫލަކީ، އުޅަނދުތަކުގެ އަދަދު ކަނޑައަޅައިފައިވާ ގައުމުތަކުގައި ޕްރެކްޓިސްކުރާ އުސޫލުތަކަށް ބަލައި، ޓެކްނިކަލް ފެންވަރުގެ ގޮތުން އެކަށީގެންވާ އުސޫލެއް ކަމުގައި ހެދުން؛
  2. އުޅަނދު ރަޖިސްޓަރީ ކުރުމުގެ އުސޫލަކީ ހަމަހަމަ އަދި ދެފުށް ފެންނަ އުސޫލެއް ކަމުގައި ހެދުން؛
  3. އުޅަނދުތަކުގެ އަދަދު ކަނޑައަޅައިފައިވާ ގޮތުގެ މަތީން އުޅަނދު ރަޖިސްޓަރީ ކޮށްދިނުމުގެ އުސޫލަކީ ބިޑްކުރުމުގެ އުސޫލެއް ކަމުގައި ވާނަމަ، އުޅަނދު ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް މާލީ ބޮޑު ބުރައަކަށް ނުވާނޭ ގޮތެއްގެ މަތީން އުސޫލު ހެދުން؛
  4. ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ އުޅަނދުތަކުގެ ތެރެއިން ހަކަތައިގެގޮތުގައި ތެޔޮ ބޭނުންކުރަން ނުޖެހޭ، ތިމާވެށްޓާ ރައްޓެހި އުޅަނދުތަކަށް އިސްކަންދެވޭނެ ނިޒާމެއް އުސޫލުގެ ތެރެއިން ހަމަޖެއްސުން.

 

10 ވަނަ މާއްދާ - އުޅަނދު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު ކަނޑައެޅުން

(ހ) ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކާއި މީހުން ދިރިނޫޅޭ ރަށްރަށާއި ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު ކަނޑައަޅަންވާނީ އުޅަނދު އުފެއްދި ތާރީހުން ފެށިގެންނެވެ.

(ށ) އުޅަނދު ބޭނުންކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން އުޅަނދުގެ ވެރިފަރާތުން އަމަލުކުރަންޖެހޭ އުސޫލުތަކާއި، އުޅަނދުގެ ރަޖިސްޓަރޭށަނާ މެދުގައި އަމަލުކުރެވޭނެ އުސޫލުތައް، އަދަދު ކަނޑައަޅާ ފަރާތުން އެކުލަވައިލައި، އެ އުސޫލުތައް އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލާ އުސޫލުގައި، އުޅަނދު ބޭނުންކުރުމަށް ކަނޑައަޅައިފައިވާ މުއްދަތު ހަމަވުމުން، އުޅަނދުގެ ރަޖިސްޓަރޭށަން ވަގުތުން ބާތިލުކޮށް އުޅަނދު ނައްތައިލުންފަދަ އިޖުރާއަތުތައް ހިންގުމުގެ ކުރިން، އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ރަށް ނުވަތަ ސިޓީ ނުވަތަ ސަރަހައްދު ފިޔަވައި، އެ ނޫން ތަނަކަށް ރީ-ރަޖިސްޓަރ ކުރުމަށް ނުވަތަ އުޅަނދު ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމަށް ނުވަތަ އެ ނޫންވެސް އުޅަނދުގެ ވެރިފަރާތަށް ލިބިދާނެ ގެއްލުމެއް ކުޑަކުރެވިދާނެ ފިޔަވަޅުތައް ހި މެނުމަށް އިސްކަންދޭންވާނެއެވެ.

 

11 ވަނަ މާއްދާ - ވަސީލަތްތައް ގާއިމުކުރުން 

މި ގަވާއިދުގެ ދަށުން ކަނޑައަޅާ އުޅަނދުތަކުގެ އަދަދު އެ ގޮތުގައި ހިފެހެއްޓުމަށް ޓަކައި، އަދި އުޅަނދުތަކުގެ އަދަދާ އެއްގޮތަށް އުޅަނދު ރަޖިސްޓަރީ ކޮށްދިނުމުގެ އުސޫލު ހަރުދަނާގޮތުގައި ތަންފީޛު ކުރުމަށް ޓަކައި ބޭނުންވާ އިންސާނީ ވަސީލަތްތަކާއި ފަންނީ ވަސީލަތްތައް، އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތުން ގާއިމުކޮށް،ކަނޑައަޅައިފައިވާ އުޅަނދުތަކުގެ އަދަދު އެ ގޮތުގައި ހިފެހެއްޓޭކަން ކަށަވަރު ކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - މިހާރު ބޭނުންކުރާ އުޅަނދުތައް،އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގައި ހިމެނުން

(ހ) މި ގަވާއިދުގެ ދަށުން އުޅަނދުތަކުގެ އަދަދު ކަނޑައަޅާއިރު، އަދަދު ކަނޑައަޅާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި ބޭނުންކުރުމަށް ކުރިން ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކުގެ އަދަދު، ކަނޑައަޅާ އަދަދުގައި ހިމެނުމަށް އިސްކަންދޭންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން އުޅަނދުތަކުގެ އަދަދު ކަނޑައަޅާއިރު، އަދަދު ކަނޑައަޅާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި ބޭނުންކުރުމަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދުގެ އަދަދަކީ، ކަނޑައެޅި އަދަދުގެ ނިސްބަތަށްވުރެ އިތުރު އަދަދެއްނަމަ، އަދަދު ކަނޑައެޅި ނިސްބަތް އެ ގޮތުގައި ހިފެހެއްޓުމުގެ ގޮތުން، ރީ-ރަޖިސްޓްރޭށަން ޕްރޮސެސްއެއްގެ ދަށުން އެ އުޅަނދުތައް އަދަދުގެ ތެރޭގައި ހިމެނޭނެ ނިޒާމެއް އަދަދު ކަނޑައަޅާ ފަރާތުން އެކުލަވައިލައި، ރީ-ރަޖިސްޓަރ ކުރުމަށް އެކަށީގެންވާ ހަމަހަމަ ފުރުސަތާއި މުއްދަތުދޭންވާނެއެވެ.

 

13 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުން ކަނޑައަޅާ އުޅަނދުތަކުގެ އަދަދު މިނިސްޓްރީއަށް ހުށަހެޅުން

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ލޯކަލް ކައުންސިލްތަކުން ކަނޑައަޅާ އުޅަނދުތަކުގެ އަދަދު މިނިސްޓްރީއާ ހިއްސާކޮށް، އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލޯކަލް ކައުންސިލްތަކުން ފޮނުވާ އުޅަނދުތަކުގެ އަދަދު ކަނޑައަޅައިފައިވަނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންތޯ މިނިސްޓްރީން ބަލަންވާނެއެވެ.

 

14 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.


15 ވަނަ މާއްދާ - މާނަކުރުން 

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް އެ ވަގުތަކު ސަރުކާރުން ހަމަޖައްސައިފައިވާ ވުޒާރާއަށެވެ.

(ށ) "ލޯކަލް ކައުންސިލް" ނުވަތަ "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށެވެ.

(ނ) "އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، އަދަދު ކަނޑައެޅުމުގެ ކުރިން، އެކަމާ ގުޅުންހުރި ކަންކަން ދިރާސާކުރާ ކުރުމަށެވެ.

(ރ) "އެއްގަމު ދަތުރުފަތުރުގެ ނިޒާމު" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ ރަށްރަށާއި، އަދި އާންމު ހިދުމަތްދޭ ތަންތަނުގައި އެއްގަމު އުޅަނދުތައް ދުއްވުމަށް ކަނޑައެޅިފައިވާ މަގުތަކާއި، ފާލަންތަކާއި، އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން ހިނގާބިނގާވެ އުޅުމަށާއި ދުއްވުމަށް ކަނޑައެޅިފައިވާ މަގުތަކާއި ގޯޅިތަކާއި އަމިއްލަ ބޭނުމަށް ނުވަތަ ސިނާއީ ބޭނުންތަކަށް ދޫކޮށްފައި ވާ ބިންބިމާއި، ވަކިކަމަކަށް ދޫކޮށްފައިވާ ރަށްރަށުގައި އާންމުކޮށް ދުއްވުމާއި ހިނގާބިނގާވެ އުޅުމަށް ހަދައިފައިވާ މަގުތަކާއި ގޯޅިތަކާއި ސަރަހައްދުތަކާއި، މިފަދަ ތަންތަނުގައި ދުއްވާ ހުރިހާ ބާވަތެއްގެ އުޅަނދުތަކާއި، ދުއްވާ މީހުންނަށެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2021-170)

 

މައި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު