-

ތައާރަފް

މި ވެބްސައިޓަކީ ދިވެހިރާއްޖޭގެ ގާނޫނީ އަދި ށަރުއީ ދާއިރާގައި ހަރަކާތްތެރި ވެލައްވާ ބޭފުުޅުންނާއި އަދި އެދާއިރާއިން ތައުލީމު ހާސިލުކުރައްވާ ދަރިވަރުންނަށް ލުއިފަސޭހަ ކަމާއެކު ދިވެހރިާއްޖޭގެ ގާނޫނާއި ގަވާއިދާއި، ގާނޫނީ މުސްތަލަހުތަކާއި މަފްހޫމްތަކާއި، ޕްރީސިޑެންޓްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށް ދިނުމުގެ ގޮތުން ތައްޔާރުކުރެވުނު ވެބްސައިޓެކެވެ. މި މަސައްކަތަކަކީ ހިލޭސާބަހަށް ކުރެވޭ މަސައްކަތެއް ކަމުން، ކިޔުންތެރިންގެ ހިޔާލާއި އަދި މުހިންމު މައުލޫމާތު ހިއްސާކުރުމަކީ އަޅުގަނޑުމެން ނުހަނު އެދޭކަމެވެ.

ބަހުގެ ހަމަތައް ބޭނުންކޮށްފައިވާ ގޮތް:

މި ވެބްސައިޓުގައި ބޭނުންކޮށްފައިވަނީ ފިލިޖެހި ތާނައިގެބަދަލުގައި ފިލިނުޖަހާ ތާނައެވެ. ސަބަބަކީ ފިލިޖެހި ތާނައަކީ މައިގަނޑު އަރަބި ބަސްތައް ދިވެހިން ބޭނުކުރުމުގައި ގެންގުޅެފައިވާ އުސޫލެއް ކަމަށްވެފައި، ފަހުގެ ޖީލުތައް އެ އުސޫލުތަކާއި ބީރަށްޓެހިވުމާއި އަދި ފިލިޖެހި ތާނަ ބޭނުންކުރުމުން ގާނޫނާއި، ގަވާއިދާއި އަދި ބަސްތައް ހޯދުން/ސަރޗް ކުރުމުގައި އާއި އަޕްލޯޑް ކުރުމުގައި ދަތިތައް ކުރިމަތިވާނެތީވެ. ފިލިނުޖަހާ ތާނަ ބޭނުންކޮށްފައިވާ ގޮތަކީ:

ފިލިޖެހިތާނަ

ވެބްސައިޓުގައި ބޭނުންކުރެވިފައިވާ ގޮތް

ޙ

ހ

ޚ

ހ

ޝ

ށ

ޜ

ޒ

ޟ

ޒ

ޛ

ޒ

ޠ

ތ

ޞ

ސ

   

 

ސުރުހީ

  1. ގިނަ ގާނޫނުތަކުގެ ސުރުހީ ފެށެނީ ދިވެހިރާއްޖެ" ނުވަތަ "ދިވެހި ދައުލަތް"، "ދިވެހިރައްޔިތުން" ނުވަތަ "މޯލްޑިވްސް" ފަދަ ބަސްބަހުން ކަމުން، "ދ" ނުވަތަ "މ" އަކުރުގެ ދަށުގައި ގިނަ ގާނޫނާއި ގަވާއިދު ހިމެނި، ވެބްސައިޓް ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވާނެތީވެ، ފެށޭ ސުރުހީތަކުން އެފަދަ އިބާރާތް އުނިކުރެވިފައިވާނެއެވެ. މިސާލަކަށް "ދައުލަތު މާލިއްޔަތުގެ ގާނޫނޫ" ގެ ސުރުހީއަކަށްވާނީ "މާލިއްޔަތުގެ ގާނޫނު" އެވެ.
  2. އިސްލާހް/އުނިއިތުރު ގެނެވޭ ގާނޫނާއި ގަވާއިދު އާންމުކޮށް ފެށެނީ "ގާނޫނު ނަންބަރު...." ނުވަތަ "ގަވާއިދު ނަންބަރު" އިން ކަމުން "ގ" އިން ފެށޭ ސުރުހީތައް ގިނަވެ ވެބްސައިޓް ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވާނެތީވެ، ސުރުހީއަށް ބަދަލު ގެނެވިފައިވާނެއެވެ.  މިސާލު: "އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު" ގެޒެޓްކުރެވިފައިވަނީ  " ގަވާއިދު ނަންބަރ 22/2014 ("އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދު") އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު" ގެ ގޮތުގައެވެ. ނަމަވެސް ވެބްސައިޓްގައި މި ގަވާއިދު ހިމެނިފައިވާނީ  "އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރ 22/2014) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު" ގެ ގޮތުގައެވެ. ދެވަނަ ސުރުހީ ހިމެނިފައިވާނީ ގެޒެޓްކުރެވުނު ގޮތަށެވެ.

 

ނަންބަރު

  1. ގަވާއިދުގެ ނަންބަރު ތަފާތު އެކިގޮތްގޮތަށް ގެޒެޓް ކުރެވިފައިވީ ނަމަވެސް ވެބްސައިޓުގައި ބޭނުންކުރެވިފައިވާނީ އެއްގޮތަށެވެ. އެއީ އެ ގަވާއިދެއް ފާސްވި އަހަރާއި އެއިގެ ތަރުތީބު ނަންބަރެވެ. މިސާލު: ގަވާއިދު ނަންބަރ 166/2014 އެއީ 2014 ވަނަ އަހަރުގެ 166 ވަނަ ގަވާއިދެވެ. ހުރިހާ ގަވާއިދާއި އަދި ގާނޫނުގައި ނަންބަރ ބޭނުންކުރެވިފައިވާނީ އެ އުސޫލުންނެވެ.
  2. ގެޒެޓްކުރެވިފައިވާއިރު ބައެއް ގަވާއިދު ތަކުގެ ނަންބަރ ސާފުނުވާތީވެ ހަމައެކަނި ސުރުހީއާއި އެންގެން އޮންނަ ނަންބަރ ހިމެނިފައިވާނެއެވެ.

 

އަހަރު

ގާނޫނުތައް ފާސްކުރި އަހަރުގެ ނަންބަރު ގެޒެޓްކުރުމުގައި ބައެއްފަހަރު ކުރު ކުރެވިފައިވި ނަމަވެސް އޮޅުންއެރުން ކުޑަކުރުމުގެ ގޮތުން މުޅިއަހަރު ހިމެނިފައިވާނެއެވެ. މިސާލު "ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު (ގާނޫނު ނަންބަރ 69/78) އަށް ވެބްސައިޓުގައި ބޭނުންކުރެވިފައިވާނީ "ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު (ގާނޫނު ނަންބަރ 69/1978) ގެ ގޮތުގައެވެ.

 

ގެޒެޓް ކުރެވުނު ގޮތް

ކޮންމެ ގާނޫނެއް އަދި ގަވާއިދެއްގެވެސް ވޯޑްފޮމޭޓްގެ އިތުރުން އެ ގާނޫނެއް ނުވަތަ އެ ގަވާއިދެއް ގެޒެޓްކުރެވުނު ގޮތުގެ ޕީޑީއެފް ގެ ކޮޕީ، އެ ގާނޫނެއް/ގަވާއިދެއްގެ ތިރީގައި އެޓޭޗްކުރެވިފައިވާނެއެވެ.

 

ގާނޫނާއި ގަވާއިދާ ގުޅުވުން

  1. ކޮންމެ ގާނޫނަކަށް ނުވަތަ ގަވާއިދަށް ގެނެވިފައިވާ އެންމެހާ އިސްލާހާއި އަދި ގާނޫނެއް ނުވަތަ ގަވާއިދެއް އުވިފައިވާ ނަމަ، އުވާލި ގާނޫނާއި ގަވާއިދާއި އަދި އުވުނު ގާނޫނާއި ގަވާއިދު ގެ ލިންކް، އެ ގާނޫނެއް ނުވަތަ އެ ގަވާއިދެއްގެ ތިރީގައި ހިމެނިފައިވާނެއެވެ.
  2. ކޮންމެ ގާނޫނެއްގެ ދަށުން ހެދިފައިވާ އެންމެހާ ގަވާއިދު، އެ ގާނޫނެއްގެ ތިރީގައި ލިންކް ކުރެވިފައިވާނެއެވެ.
  3. ކޮންމެ ގަވާއިދެއް އުފަންކުރުވި (މައި) ގާނޫނު، އެ ގަވާއިދެއްގެ ތިރީގައި ލިންކް ކުރެވިފައިވާނެއެވެ.

 

ގާނޫނެއް ނެތި ހަދާ ގަވާއިދު

ބައެއް ގަވާއިދުތަކަކީ އެއްވެސް މައި ގާނޫނެއް ނެތި ހަދާ ގަވާއިދަށްވާތީވެ، އެފަދަ ގަވާއިދުތަކާ އެންމެ ގުޅޭ ގާނޫނާއެކު "ގުޅޭ ގާނޫނު" ގެ ސުރުހީގައި، އެ ގަވާއިދަކާ އެންމެގުޅޭ ގާނޫނު ލިންކް ކުރެވިފައިވާނެއެވެ.

 

އުސޫލު

ގަވާއިދުގައި ނުހިމެނޭ، އެހެން ނަމަވެސް ރައްޔިތުން އަމަލުކުރަންޖެހޭ ބައެއް އުސޫލުތައް، އެއާ އެންމެ ގާތްގުޅުން ހުންނަ ގާނޫނާއި ގަވާއިދުގެ ތިރީގައި އެޓޭޗްކުރެވިފައިވާނެއެވެ.

 

ނަންބަރުތައް

ބައެއް ގަވާއިދުތަކާއި އުސޫލުތަކުގައި ބައެއްފަހަރު ނަންބަރު ނުޖެހިވާއިރު ބައެއްފަހަރު އެއް ނަންބަރު ތަކުރާރުވެސް ވެފައިވެއެވެ. އެފަދަ ހާލަތުގައި އެ އޮޅުން، "ނޯޓް" އެއްގެ ސިފައިގައި ފާހަނގަކުރެވިފައިވާނެއެވެ. އަދި އެފަދަ ތަކުރާރުވި ނަންބަރު "ރަތް" ފަދަ ކުލައަކުން ފާހަނގަކުރެވިފައިވާނެއެވެ.