ޕަބްލިކް ޕްރައިވެޓް ޕާރޓްނަރށިޕް ގެ އުސޫލުން ތަރައްގީކުރާ ޕާކިންގ އިމާރާތްތަކާ ގުޅޭ ގަވާއިދު
(ގަވާއިދު ނަންބަރު 2026-46)
(މި އުސޫލަށް އަމަލުކުރަން ފެށީ 21 މޭ 2026 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) އާއި (ނ) އަށް ރިއާޔަތްކޮށް، ޕަބްލިކް ޕްރައިވެޓް ޕާރޓްނަރށިޕްގެ އުސޫލުން ދިވެހިރާއްޖޭގެ އެކިހިސާބުތަކުގައި ޕާކިންގ އިމާރާތްތައް ތަރައްގީކޮށް އެފަދަ އިމާރާތްތައް ބޭނުންކުރުމާއި، އެ އިމާރާތްތަކުން ޕާކިންގ ސްލޮޓްތައް ކަނޑައެޅުމާއި، ޕާކިންގ ޖާގަ ވިއްކުމާއި ކުއްޔަށްދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަށް ޓަކައި، އެ ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ޕަބްލިކް ޕްރައިވެޓް ޕާރޓްނަރށިޕްގެ އުސޫލުން ތަރައްގީކުރާ ޕާކިންގ އިމާރާތްތަކާ ގުޅޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި، ޕާކިންގ ޖާގަ އިތުރުކުރުމާއި، ޕާކިންގ ޖާގަ ކުއްޔަށް ދިނުމާއި، 2 (ދޭއް) ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީކުރުމަށް ބޭނުންވާ ގަރާޖު އާންމުންނަށް ލުއިފަސޭހަގޮތެއްގައި ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ޕަބްލިކް ޕްރައިވެޓް ޕާރޓްނަރށިޕްގެ އުސޫލުން ތަރައްގީކުރާ ޕާކިންގ އިމާރާތްތަކާ ގުޅޭ އެންމެހައި އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމެވެ.
3 ވަނަ މާއްދާ - ޕާކިންގ އިމާރާތުގެ ޕާކިންގގެ ބާވާތްތައް
މި ގަވާއިދުގެ ދަށުން ގާއިމުކުރާ ޕާކިންގ އިމާރާތްތަކުގައި، ޕާކިންގގެ އަންނަނިވި ބާވަތްތައް ކަނޑައެޅިދާނެއެވެ.
(ހ) ޕްރައިވެޓް ޕާކިންގ.
(ށ) ޕަބްލިކް ޕާކިންގ.
4 ވަނަ މާއްދާ - ޕާކިންގ އިމާރާތުގައި ފުރިހަމަވާންޖެހޭ ކަންކަން
މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ޕަބްލިކް ޕްރައިވެޓް ޕާރޓްނަރށިޕްގެ އުސޫލުން ގާއިމުކުރާ ޕާކިންގ އިމާރާތްތައް ހުންނަންވާނީ، ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) ގެ ދަށުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ. އަދި މިފަދަ ޕާކިންގ އިމާރާތްތަކުގައި އަންނަނިވި ކަންކަން ފުރިހަމަވެފައި ހުންނަންވާނެއެވެ.
(ހ) ޕާކިންގ އިމާރާތުގެ ކުރެހުންތަކުގައި ކަނޑައަޅައިފައިވާ މިންވަރަށް ޕާކިންގ ޖާގަ އިމާރާތުގައި ގާއިމުކޮށްފައި ހުންނަންވާނެއެވެ.
(ށ) ޕާކިންގ އިމާރާތުގައި ކަނޑައެޅިފައިވާ ޖުމުލަ ޕާކިންގގެ ތެރެއިން 3 (ތިނެއް) ފުރޮޅުލީ އުޅަނދުފަހަރަށާއި 4 (ހަތަރެއް) ފުރޮޅުލީ އުޅަނދުފަހަރަށް ޕްރައިވެޓް ޕާކިންގގެ ގޮތުގައި ޚާއްސަކުރަންވާނީ ޕާކިންގ އިމާރާތުގައި ކަނޑައެޅިފައިވާ ޖުމުލަ ޕާކިންގގެ %80 (އަށްޑިހަ އިންސައްތަ) އަށް ވުރެ އިތުރުނުވާނޭ ގޮތުގެ މަތީންނެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޕާކިންގގެ ތެރެއިން މަދުވެގެން %5 (ފަހެއް އިންސައްތަ) 2 (ދޭއް) ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަ ޕާކިންގ ޖާގައިގެ ގޮތުގައި ކަނޑައަޅަންވާނެއެވެ.
(ބ) އިމާރާތުގެ އެއް ފަންގިފިލާއިން އަނެއް ފަންގިފިލާއަށް އުޅަނދު ރައްކައުތެރިކަމާއެކު ދުއްވައިފައި ދެވޭނޭހެން އިމާރާތްކޮށްފައި ހުންނަންވާނެއެވެ. އަދި އުޅަނދުތަކަށް ފަސޭހައިން ސްލޮޓަށް ދެވޭނެ ރައްކައުތެރި ނިޒާމެއް ގާއިމުކޮށްފައި ހުންނަންވާނެއެވެ.
(ޅ) އިމާރާތުގައި ކަނޑައަޅައިފައިވާ ޕާކިންގ ސްލޮޓުގެ ސަރަހައްދު ފާހަގަކޮށް، އެ ސްލޮޓަށް ކަނޑައަޅައިފައި އޮތް އުޅަނދުގެ ނަންބަރު ޖަހައިފައި އޮންނަންވާނެއެވެ. ނުވަތަ ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުޅަނދުގެ ޕާކިންގ ސްލޮޓް ވަކިކޮށްދީފައި ހުންނަންވާނެއެވެ.
(ކ) ޕާކިންގ އިމާރާތުގައި އުޅަނދަށް މަގު ދެއްކުމަށް ރެޓްރޯ ރިފްލެކްޓިވް ޓޭޕް ފަދަ މެޓީރިއަލަކުން، މަގު ދައްކާ ނިށާންތައް ހަރުކޮށްފައި ހުންނަންވާނެއެވެ.
2 ވަނަ ބާބު
ޕްރައިވެޓް ޕާކިންގ
5 ވަނަ މާއްދާ - ޕާކިންގ ޖާގަ ރަޖިސްޓަރީކުރުން
(ހ) މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކުރާ ޕާކިންގ އިމާރާތްތަކުން، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްރައިވެޓް ޕާކިންގ ޖާގަތައ،ް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ޕާކިންގ އިމާރާތަކުން ރަޖިސްޓަރީކުރާ ކޮންމެ ޖާގައަކަށް، އެ އިމާރާތުގެ ޕާކިންގ މެނޭޖްކޮށް ހިންގާ )އޮޕާރޓްކުރާ( ފަރާތުގެ ނަމުގައި ވަކި ރަޖިސްޓަރީއެއް މިނިސްޓްރީން ދޫކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޕްރައިވެޓް ޕާކިންގ ޖާގައެއް ރަޖިސްޓަރީކޮށް، އެފަދަ ރަޖިސްޓަރީއެއް ދޫކުރެވޭނީ، ޚިދުމަތުގެ ފީގެ ގޮތުގައި 300 (ތިން ސަތޭކަ) ރުފިޔާ ދެއްކުމުންނެވެ.
6 ވަނަ މާއްދާ - ޕާކިންގ ޖާގަ ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުން
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްރައިވެޓް ޕާކިންގ ޖާގަތައް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅަންވާނީ، މިނިސްޓްރީން އެކަމަށް ކަނޑައަޅައި އާންމުކުރާ ފޯމު މެދުވެރިކޮށް، މާލެ ސަރަހައްދުގައި ނަމަ، މިނިސްޓްރީއަށެވެ. އަދި ރަށެއް ނުވަތަ ސިޓީއެއްގައި ނަމަ، އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާއަށެވެ.
(ށ) ޕާކިންގ އިމާރާތްތަކުގައި ކަނޑައަޅައިފައިވާ ޕްރައިވެޓް ޕާކިންގ ޖާގަތައް ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅޭނީ، އެ އިމާރާތުގެ ވެރިފަރާތަށް ނުވަތަ އިމާރާތުގެ ވެރިފަރާތުން އެ އިމާރާތެއްގެ ޕާކިންގ މެނޭޖްކޮށް ހިންގުމުގެ ހުއްދަ ދީފައިވާ (އޮޕާރޓްކުރާ) ފަރާތަށް ނުވަތަ އެކަން ކުރުމުގެ ބާރު ދީފައިވާ ފަރާތަކަށެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިމާރާތުގެ ވެރިފަރާތް ނުވަތަ އިމާރާތުގެ ޕާކިންގ މެނޭޖްކޮށް ހިންގާ (އޮޕާރޓްކުރާ) ފަރާތް ނޫން އެހެން ފަރާތަކުން ޕްރައިވެޓް ޕާކިންގ ޖާގަތައް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ނަމަ، އެ ފަރާތަކަށް އެ ބާރު ދީފައިވާކަން ބަޔާންކޮށްފައިވާ ނޮޓަރައިޒްޑް ޕަވަރ އޮފް އެޓަރނީއެއް ހުށަހަޅަންވާނެއެވެ.
(ރ) ޕްރައިވެޓް ޕާކިންގ ޖާގަތައް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާއިރު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުގައިވާ އެންމެހައި މައުލޫމާތު ފުރިހަމަކުރަންވާނެއެވެ. އަދި އެ ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
(ބ) ޕްރައިވެޓް ޕާކިންގ ޖާގަތައް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާއިރު ފޯމުގައިވާ މައުލޫމާތު ފުރިހަމަތޯ ބެލުމަށްފަހު، މައުލޫމާތު ފުރިހަމަނުވާ ފޯމުތައް އިސްލާޙުކުރުމަށް 7 (ހަތެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އިސްލާޙުކޮށް ހުށަހަޅައިފައިނުވާ ފޯމުތައް ބާތިލު ކުރެވޭނެއެވެ.
7 ވަނަ މާއްދާ - ޕާކިންގ ސްލޮޓުގެ ނުވަތަ ޖާގައިގެ މިންގަނޑު
ޕާކިންގ ސްލޮޓް ނުވަތަ ޕާކިންގ ޖާގައިގައި، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދުގެ އެނެކްސް 5 ގައި ބަޔާންކޮށްފައިވާ "އެއްގަމު އުޅަނދު ރަޖިސްޓަރީކުރާ ގަރާޖުގައި އުޅަނދު ބާއްވާ ޖާގައިގައި ހުންނަންޖެހޭ މިންގަނޑު" ފުރިހަމަވާންވާނެއެވެ. އަދި ޕާކިންގ ސްލޮޓުގައި ނުވަތަ ޖާގައިގައި ރައްކައުތެރިކަމާއެކު އުޅަނދު ޕާކު ކުރެވޭނެ ޖާގަ ހުންނަންވާނެއެވެ.
8 ވަނަ މާއްދާ - ޕާކިންގ ޖާގަ ވިއްކުމާއި ކުއްޔަށް ދިނުން
(ހ) މި ގަވާއިދުގެ ދަށުން ގާއިމުކުރާ ޕާކިންގ އިމާރާތްތަކުން، ޕްރައިވެޓް ޕާކިންގ ޖާގަތައ،ް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓަރީކޮށް، އެ ޖާގަތައ،ް އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށާއި، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވިޔަފާރިތަކަށް ވިއްކުމާއި، ކުއްޔަށް ދިނުމުގެ ފުރިހަމަ އިޚުތިޔާރު، އެ އިމާރާތެއްގެ ޕާކިންގ މެނޭޖްކޮށް ހިންގާ (އޮޕާރޓްކުރާ) ފަރާތަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މުއްދަތު ހަމަނުވާ ވިސާ އޮންނަ ބިދޭސީންނަށް، ވިސާގެ މުއްދަތަށް ޕްރައިވެޓް ޕާކިންގ ޖާގަ ކުއްޔަށް ދިނުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ޕްރައިވެޓް ޕާކިންގ ޖާގައެއް ވިއްކައި ލެވޭނީ މަދުވެގެން 8 (އަށެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕާކިންގ އިމާރާތުން ޕްރައިވެޓް ޕާކިންގ ޖާގައެއް އެއްވެސް ފަރާތަކަށް ވިއްކާ ނަމަ ނުވަތަ ކުއްޔަށްދޫކުރާ ނަމަ، އެ ފަރާތަކާއެކ،ު އިމާރާތުގެ ޕާކިންގ މެނޭޖްކޮށް ހިންގާ (އޮޕާރޓްކުރާ) ފަރާތުން ޕާކިންގ ޖާގަ ވިއްކުމުގެ ނުވަތަ ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ. މިގޮތުން ސޮއިކުރެވޭ އެއްބަސްވުމެއްގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ޕާކިންގ ޖާގަ ވިއްކާ ނުވަތަ ކުއްޔަށް ދޫކުރާ ފަރާތާއި، ޕާކިންގ ޖާގަ ގަންނަ ނުވަތަ ކުއްޔަށް ހިފާ ފަރާތުގެ މައުލޫމާތު؛
- ޕާކިންގ ޖާގައިގެ މައުލޫމާތު؛
- ޕާކިންގ ޖާގަ ދޫކުރެވޭ މުއްދަތު.
9 ވަނަ މާއްދާ - އުޅަނދު ރަޖިސްޓަރީކުރުމަށް ޕާކިންގ ޖާގަ ބޭނުންކުރުން
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޕްރައިވެޓް ޕާކިންގގެ ޖާގަތަކަކީ 3 (ތިނެއް) ފުރޮޅުލީ ނުވަތަ 4 (ހަތަރެއް) ފުރޮޅުލީ އުޅަނދުފަހަރު ރަޖިސްޓަރީކުރުމަށް ޓަކައި ގަރާޖެއްގެ ގޮތުގައި ކަނޑައެޅ،ި އެ ޖާގައަށް ވަކި ރަޖިސްޓަރީއެއް ހަދައިދެވޭނެ ޖާގަތަކެކެވެ. މި ގަވާއިދުގެ ދަށުން އެފަދަ ޖާގައަކަށް އުޅަނދު ރަޖިސްޓަރީ ކުރެވޭނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދުގެ ދަށުން އުޅަނދު ރަޖިސްޓަރީކުރުމަށް ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހެޅުމުންނެވެ.
(ށ) މި ގަވާއިދުގެ ދަށުން ޕްރައިވެޓް ޕާކިންގގެ ޖާގައެއްގައި އުޅަނދެއް ރަޖިސްޓަރީ ކުރަންވާނީ، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތަށެވެ.
10 ވަނަ މާއްދާ - މާލީ އިދާރާއެއް މެދުވެރިކޮށް ޕާކިންގ ޖާގަ ގަތުމުގެ މުއާމަލާތު ހިންގުން
(ހ) މި ގަވާއިދުގެ ދަށުން ގާއިމުކު ރާ ޕާކިންގ އިމާރާތްތަކުގެ ޕްރައިވެޓް ޕާކިންގގެ ޖާގަތައް ގަންނަ ފަރާތްތަކަށް، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ މާލީ އިދާރާއެއް މެދުވެރިކޮށް އެއްބަސްވުމެއްގެ ދަށުން ވިއްކުމުގެ އިޚުތިޔާރު، އެ އިމާރާތެއްގެ ޕާކިންގ މެނޭޖްކޮށް ހިންގާ (އޮޕާރޓްކުރާ) ފަރާތަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ މާލީ އިދާރާއެއް މެދުވެރިކޮށް ވިއްކައިފައިވާ ޕާކިންގ ޖާގަ ގަންނަ ފަރާތާއި މާލީ އިދާރާއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެ ޖާގަ ގަތް ފަރާތުން ޚިލާފުވުމުގެ ސަބަބުން އެ އެއްބަސްވުން ބާތިލުވާ ހާލަތްތަކުގައި، އެ އެއްބަސްވުން ބާތިލުކޮށްފިކަމާއި، އެ ޕާކިންގ ޖާގައަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދު އެ ޖާގައިން އުނިކޮށްދިނުމަށް އެދި ޕާކިންގ އިމާރާތުގެ ޕާކިންގ މެނޭޖްކޮށް ހިންގާ (އޮޕާރޓްކުރާ) ފަރާތަށް، މާލީ އިދާރާއިން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން މާލީ އިދާރާއިން އިމާރާތުގެ ޕާކިންގ މެނޭޖްކޮށް ހިންގާ (އޮޕާރޓްކުރާ) ފަރާތަށް އެއްބަސްވުން ބާތިލުކުރިކަން އަންގައިފި ނަމަ، އެ ޖާގައަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދު އުނިކުރުމަށް ޓަކައި މާލީ އިދާރާއިން ހުށަހަޅާ ލިޔެކިޔުންތަކާއެކ،ު އިމާރާތުގެ ޕާކިންގ މެނޭޖްކޮށް ހިންގާ (އޮޕާރޓްކުރާ) ފަރާތުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި މިފަދަ ހުށަހެޅުމެއް ލިބުމުން، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެ ޕާކިންގ ޖާގައަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދުގެ ރަޖިސްޓަރީ ބާތިލުކުރުމަށް ނިންމަންވާނެއެވެ. އަދި އެ ނިންމުން ތަންފީޒުކުރަންވާނީ، އެހެން ގަރާޖަކަށް އުޅަނދު ބަދަލުކުރުމަށް ޓަކައި އުޅަނދުގެ ވެރިފަރާތަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދިނުމަށްފަހުގައެވެ.
11 ވަނަ މާއްދާ - ޕްރައިވެޓް ޕާކިންގ ޖާގަތަކަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދުގެ ރަޖިސްޓަރީ ބާތިލުކުރުން
(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން އެ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތަކަށް ވިއްކައިފައިވާ ނުވަތަ ކުއްޔަށް ދީފައިވާ ޕްރައިވެޓް ޕާކިންގގެ ޖާގައެއްގެ އެއްބަސްވުން، އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ބާތިލުކޮށް، އެކަން އިމާރާތުގެ ޕާކިންގ މެނޭޖްކޮށް ހިންގާ (އޮޕާރޓްކުރާ) ފަރާތުން މިނިސްޓްރީއަށް ހުށަހަޅައިފި ނަމަ، އެ ޖާގައަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދުގެ ރަޖިސްޓަރީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދާ އެއްގޮތަށް ބާތިލުކުރުމަށް ނިންމުމުގެ އިޚުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން ބާތިލުކޮށް، އެކަން އިމާރާތުގެ ޕާކިންގ މެނޭޖްކޮށް ހިންގާ (އޮޕާރޓްކުރާ) ފަރާތުން މިނިސްޓްރީއަށް ހުށަހަޅައިފި ނަމަ، އުޅަނދުގެ ރަޖިސްޓަރީ ބާތިލުކުރުމުގެ ކުރިން، އެހެން ގަރާޖަކަށް އުޅަނދު ބަދަލުކުރުމަށް ޓަކައި އުޅަނދުގެ ވެރިފަރާތަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.
12 ވަނަ މާއްދާ - ޕްރައިވެޓް ޕާކިންގގެ ދަފުތަރު
މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޕްރައިވެޓް ޕާކިންގގެ ޖާގަތަކުގެ ދަފުތަރެއް އަދާހަމަކޮށް، މިނިސްޓްރީން އެ ދަފުތަރު ބަލަހައްޓަންވާނެއެވެ. އަދި މި ގަވާއިދުގައިވާ ގޮތުގެ މަތީން މާލީ އިދާރާއެއް މެދުވެރިކޮށް ވިއްކައިފައިވާ ޕާކިންގ ޖާގަތައް މި ދަފުތަރުގައި ފާހަގަކުރަންވާނެއެވެ.
3 ވަނަ ބާބު
ޕަބްލިކް ޕާކިންގ
13 ވަނަމާއްދާ - ޕާކިންގ އިމާރާތުގެ ޕަބްލިކް ޕާކިންގ
(ހ) މި ގަވާއިދުގެ ދަށުން ގާއިމުކުރާ ޕާކިންގ އިމާރާތްތަކުގެ ޕަބްލިކް ޕާކިންގ ޖާގައިގެ ގޮތުގައި އާންމުންނަށް އުޅަނދުތައް ޕާކުކުރެވޭނެ ސަރަހައްދުތައް ކަނޑައަޅައި، އެކަން އެނގޭނެ ފަދަ ޕާކިންގ އިމާރާތުގެ ޗާޓެއް މާލެ ސަރަހައްދުގައި ނަމަ މިނިސްޓްރީއަށް، އަދި ރަށެއްގައި ނުވަތަ ސިޓީއެއްގައި ނަމަ، އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލަށް ހުށަހަޅައި ހުއްދަ ހޯދަންވާނެއެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ޕާކިންގ ޖާގަތަކަކީ ގަރާޖެއްގެ ގޮތުގައި ކަނޑައެޅ،ި އެ ޖާގައަށް ވަކި ރަޖިސްޓަރީއެއް ހަދައިދެވޭނެ ޖާގަތަކެއް ނޫނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުއްދަ ހޯދުމަށްފަހު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުއްޔަށް ދޫކުރުމަށް ކަނޑައަޅައިފައިވާ ޖާގަތަކުން ފީ ނަގައިގެން އުޅަނދު ޕާކުކުރުމުގެ ހުއްދަ ދިނުމުގެ އިޚުތިޔާރު، އެ އިމާރާތެއްގެ ޕާކިންގ މެނޭޖްކޮށް ހިންގާ (އޮޕާރޓްކުރާ) ފަރާތަށް ލިބިގެންވެއެވެ.
(ރ) ޕާކިންގ އިމާރާތްތަކުގައި، ފީ ނަގައިގެން އުޅަނދު ޕާކު ކުރުމަށް ކަނޑައަޅައިފައިވާ ޕާކިންގ ޖާގަތަކުގައި ޕާކުކުރުމުގެ ހުއްދަ އިމާރާތެއްގެ ޕާކިންގ މެނޭޖްކޮށް ހިންގާ (އޮޕާރޓްކުރާ) ފަރާތުން ދޫކުރަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
- ކަނޑައެޅިފައިވާ ވަކި ވަގުތުތަކަކަށް ޕާކުކުރުމުގެ ފީ ނަގައިގެން ޖާގަ ދޫކުރުން؛
- ވަކި މުއްދަތަކަށް ޕާކުކުރާނެ ޖާގަ ކުއްޔަށް ދޫކުރުން.
14 ވަނަ މާއްދާ - ޕާކިންގ އިމާރާތުގެ ޕަބްލިކް ޕާކިންގ ކުއްޔަށް ދޫކުރުމުގެ ށަރުތުތައް
ޕާކިންގ އިމާރާތްތަކުގައި ޕަބްލިކް ޕާކިންގގެ ގޮތުގައި ކަނޑައަޅާ ވަކި ވަގުތަކަށް އުޅަނދު ޕާކުކުރުމުގެ ފީ ނަގައިގެން ދޫކުރާ ޖާގަތަކާއި، ވަކި މުއްދަތަކަށް ކުއްޔަށް ދޫކުރާ ޕާކިންގ ޖާގަތައް ކުއްޔަށް ދޫކުރެވޭނީ، އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށާއި، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވިޔަފާރިތަކަށާއި، މުއްދަތު ހަމަނުވާ ސައްޙަ ވިސާއެއްގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށެވެ.
15 ވަނަ މާއްދާ - ޕަބްލިކް ޕާކިންގގެ އަގު ކަނޑައެޅުން
މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން، ޕާކިންގ އިމާރާތްތަކުގައި ފީ ނަގައިގެން ޕާކުކުރުމަށް ދޫކުރާ ޕަބްލިކް ޕާކިންގގެ ޖާގަތަކުގެ ތެރޭގައި ހިމެނޭ ވަކި ވަގުތަކަށް އުޅަނދު ޕާކުކުރެވޭ ޖާގަތަކަށް ނެގޭ ފީގެ އަގާއި، ވަކި މުއްދަތަކަށް ކުއްޔަށް ދޫކުރެވޭ ޕާކިންގ ޖާގަތަކުގެ ކުލީގެ އަގު ކަނޑައަޅާނީ، އެ އިމާރާތުގެ ޕާކިންގ މެނޭޖްކޮށް ހިންގާ (އޮޕާރޓްކުރާ) ފަރާތުންނެވެ.
4 ވަނަ ބާބު
އެހެނިހެން
16 ވަނަ މާއްދާ - ޕާކިންގ ޖާގައިގެ ރަޖިސްޓަރީ ހަލާކުވުން ނުވަތަ ގެއްލުން
(ހ) މި ގަވާއިދުގެ ދަށުން ޕާކިންގ ޖާގައަކަށް ދޫކޮށްފައިވާ ރަޖިސްޓަރީއެއް ގެއްލިއްޖެ ނަމަ ނުވަތަ ހަލާކުވެއްޖެ ނަމަ، އިމާރާތުގެ ޕާކިންގ މެނޭޖްކޮށް ހިންގާ )އޮޕާރޓްކުރާ( ފަރާތުން ލަސްނުކޮށް އެކަން މިނިސްޓްރީއަށް އަންގައި، އެ ރަޖިސްޓަރީ އައުކުރުމަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ރަޖިސްޓަރީ ގެއްލިގެން ނުވަތަ ހަލާކުވެގެން ރަޖިސްޓަރީ ހައްދާ ނަމަ، ޚިދުމަތުގެ ފީގެ ގޮތުގައި 250 (ދުއިސައްތަ ފަންސާސް) ރުފިޔާ ދައްކަންވާނެއެވެ.
17 ވަނަ މާއްދާ - މި ގަވާއިދުގައި ކަނޑައެޅިފައިނުވާ ކަމެއް ދިމާވުން
މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއް ޙައްލުކުރަންވާނީ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
18 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކ،ު އަންނަނިވި އި ބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނައެވެ.
(ހ) "ޕާކިންގ އިމާރާތް" ކަމަށް ބުނެފައި އެވަނީ، އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމަށާއި ޕާކުކުރުމަށް ބޭނުންވާނެ ޖާގަ ހިމެނޭގޮތަށް، ޕަބްލިކް ޕްރައިވެޓް ޕާރޓްނަރށިޕްގެ އުސޫލުން ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކޮށްފައިވާ އިމާރާތްތަކަށެވެ.
(ށ) "ޕްރައިވެޓް ޕާކިންގ" ކަމަށް ބުނެފައި އެވަނީ، ޕާކިންގ އިމާރާތްތަކުން 3 (ތިނެއް) ފުރޮޅުލީ ނުވަތަ 4 (ހަތަރެއް) ފުރޮޅުލީ އުޅަނދުފަހަރު ރަޖިސްޓަރީކުރުމަށް ގަރާޖެއްގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް އާންމު ފަރާތްތަކަށް ވިއްކުމަށް ކަނޑައަޅައިފައި ހުންނަ ޕާކިންގ ޖާގަތަކަށެވެ.
(ނ) "ޕަބްލިކް ޕާކިންގ" ކަމަށް ބުނެފައި އެވަނީ، ޕާކިންގ އިމާރާތްތަކުން އާންމު ފަރާތްތަކުން ފީ ދައްކައިގެން ވަކި ވަގުތަކަށް ނުވަތަ ކުލި ދައްކައިގެން ވަކި މުއްދަތަކަށް އުޅަނދު ޕާކުކުރުމަށް ކަނޑައަޅައިފައި ހުންނަ ޕާކިންގ ޖާގަތަކަށެވެ.
(ރ) "ޕާކިންގ ޖާގަ" ނުވަތަ "ޕާކިންގ ސްލޮޓް" ކަމަށް ބުނެފައި އެވަނީ، ޕާކިންގ އިމާރާތުގައި، ކަނޑައަޅައިފައި ހުންނަ ޕްރައިވެޓް ޕާކިންގގެ ޖާގަތަކަށާއި ޕަބްލިކް ޕާކިންގގެ ޖާގަތަކަށެވެ.
(ބ) "ޕާކިންގ ޖާގަ ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، ޕާކިންގ އިމާރާތްތަކުން ޕްރައިވެޓް ޕާކިންގގެ ޖާގައިގެ ގޮތުގައި ވިއްކުމަށް ކަނޑައަޅައިފައިވާ ޕާކިންގ ޖާގަތަކުގެ ތެރެއިން ޖާގައެއް ވިއްކުމުގެ ބޭނުމަށް މިނިސްޓްރީން އެ ޖާގައަކަށް ދޫކުރެވޭ ރަސްމީ ރަޖިސްޓަރީއަށެވެ.
(ޅ) "ޕާކިންގ ޖާގަ ވިއްކުން" ކަމަށް ބުނެފައި އެވަނީ، އުޅަނދު ރަޖިސްޓަރީކުރުމުގެ ބޭނުމަށް ގަރާޖެއްގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް ޕާކިންގ ޖާގަ ބޭނުންކުރުމުގެ ހުއްދަ ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށެވެ.
(ކ) "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށެވެ.
(އ) "އިމާރާތުގެ ޕާކިންގ މެނޭޖްކޮށް ހިންގާ (އޮޕާރޓްކުރާ) ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޕާކިންގ އިމާރާތް ހިންގައި ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އިމާރާތުގެ ވެރިފާރާތަށް ނުވަތަ އެ ފަރާތުން ޕާކިންގ އިމާރާތް ހިންގައި ބެލެހެއްޓުމަށް ހުއްދަ ދީފައިވާ ފަރާތަށެވެ.
(ވ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް އެ ވަގުތަކު ސަރުކާރުން ހަމަޖައްސައިފައިވާ ވުޒާރާއަށެވެ.
19 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީޚުން ފެށިގެންނެވެ.
މައި ގާނޫނު
އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05)
ކޮންސޮލިޑޭޓެޑް ގާނޫނު
އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2009-05)
ކިޔުންތެރިންގެ ހިޔާލު