-

އިންޖީނުލީ އެއްގަމު އުޅަނދު ތާރޑް ޕާޓީ އިންށުއަރެންސް ކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-123)

(މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) އިން ވަނީ ގަވާއިދު ނަންބަރު 2012-21 އުވާލެވިފައި)

1 ވަނަ މާއްދާ - ތައާރަފު

މިއީ، އެއްގަމުގައި ދުއްވާ އުޅަނދެއް އެކްސިޑެންޓްވުމުން، އެ އެކްސިޑެންޓުގެ ސަބަބުން މީހަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުމުގެ ގޮތުން އުޅަނދުގެ ވެރިފަރާތުން ތާރޑް ޕާޓީ އިންށުއަރެންސް ކުރުމުގެ އާންމު އުސޫލުތައް ކަނޑައެޅުމަށާއި، އެއްގަމުގައި ދުއްވާ އުޅަނދެއް އެކްސިޑެންޓްވުމުން، އެ އެކްސިޑެންޓްގެ ތަހުގީގު ހިންގާނެ އުސޫލުތަކާއި، އެކްސިޑެންޓުގެ ސަބަބުން ލިބޭ ގެއްލުމުގެ ނިސްބަތް ދެނެގަންނާނެ ގޮތާއި، ގެއްލުމުގެ ބަދަލު ނަގައިދިނުމާބެހޭ އާންމު އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، އެއްގަމު ދަތުރުފަތުރުގެ ކަންކަން ހަވާލުކުރެވިފައިވާ މިނިސްޓްރީއަށް، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާއި 69 ވަނަ މާއްދާގެ (ނ) ގެ ދަށުން ލިބިދޭ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ، "އިންޖީނުލީ އެއްގަމުއުޅަނދު، ތާރޑް ޕާޓީ އިންށުއަރެންސް ކުރުމުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ -  ގަވާއިދު ހަދައި ހިންގާ ފަރާތް

މިި ގަވާއިދު ހަދާނީ ، އެއްގަމު ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މިނިސްޓްރީންނެވެ. އަދި ގަވާއިދު ހިންގާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ނުވަތަ ފަރާތްތަކުންނެވެ.

 

4 ވަނަ މާއްދާތާރޑް ޕާޓީ އިންށުއަރެންސް ކުރާ މިންގަނޑުތައް

ތާރޑް ޕާޓީ އިންށުއަރެންސް ކުރުމުގައި އިންށުއަރެންސް ކުންފުނިތަކުން ގެންގުޅޭ މިންގަނޑުތައް، އިންށުއަރ ކުރަން އެދޭ ފަރާތްތަކަށް، އިންށުއަރެންސް ކުންފުނިތަކުން ލިބޭނެ އިންތިޒާމް ހަމަޖައްސަންވާނެއެވެ.

 

5 ވަނަ މާއްދާ- ތާރޑް ޕާޓީ އިންށުއަރެންސް ޕޮލިސީއަކުން ބަދަލު ދެވޭނެ އެންމެ ކުޑަ މިންވަރު

(ހ) ޕޮލިސީގެ ކަވަރޭޖުން ތާރޑް ޕާޓީ އިންށުއަރެންސް ކުރުމުގެ ގޮތުން އެއްގަމު އުޅަނދަކަށް ދޫކޮށްފައިވާ ތާރޑް ޕާޓީ އިންށުއަރެންސް ޕޮލިސީން، އެންމެ މަދުވެގެން މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދަށް ބަދަލު ލިބިދޭންވާނެއެވެ.

(ށ) ތާރޑް ޕާޓީ އިންށުއަރެންސް ކޮށްފައިވާ އެއްގަމު އުޅަނދަކުން ދިމާވާ އެކްސިޑެންޓަކުން ލިބޭ ޖިސްމާނީ ގެއްލުމަށް ބަދަލުދިނުމުގެގޮތުން 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއާ ހަމަޔަށް ބަދަލުދޭންވާނެއެވެ.

(ނ) ތާރޑް ޕާޓީ އިންށުއަރެންސް ކޮށްފައިވާ އެއްގަމު އުޅަނދަކުން ދިމާވާ އެކްސިޑެންޓަކުން، އެހެން މީހެއްގެ އުޅަނދަކަށް ނުވަތަ މުދަލަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބިއްޖެނަމަ، މަދަނީ ގެއްލުމަށް ބަދަލުދިނުމުގެ ގޮތުން 40،000 (ސާޅީސް ހާސް) ރުފިޔާއާ ހަމަޔަށް ބަދަލުދޭންވާނެއެވެ.

 

6 ވަނަ މާއްދާ - ޕްރީމިއަމް 

ތާރޑް ޕާޓީ އިންށުއަރެންސްގެ ޕްރީމިއަމް ކަނޑައަޅާނީ އިންށުއަރެންސް ކުންފުނިންނެވެ. މިގޮތުން އިންށުއަރެންސް ކުންފުނިތަކުން ކަނޑައަޅާ ޕްރީމިއަމްއަށް އަމަލުކުރަންވާނީ، މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ހުށަހަޅައިގެން އެކަން ފާސްކުރުމަށްފަހުގައެވެ.

 

7 ވަނަ މާއްދާތާރޑް ޕާޓީ އިންށުއަރެންސް ކޮށްފައިވާ އުޅަނދު ދެނެގަންނާނެ ގޮތް

(ހ) ތާރޑް ޕާޓީ އިންށުއަރ ކޮށްފައިވާ ކޮންމެ އުޅަނދަކަށް އެ އުޅަނދަކީ އިންށުއަރ ކޮށްފައިވާ އުޅަނދެއްކަން އެނގޭނެ ލިޔުމެއް ނުވަތަ ނިށާނެއް، އިންށުއަރެންސް ކުންފުނިން ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުން ނުވަތަ ނިށާން މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ނުވަތަ ފުލުހުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ދެއްކޭ ގޮތަށް އެ އުޅަނދެއްގައި އޮންނަންވާނެއެވެ. އަދި އެ ލިޔުން ނުވަތަ ނިށާން އެ އުޅަނދެއްގައި ނެތި ދުއްވުމާއި ބޭނުންކުރުމަކީ މަނާކަމެކެވެ.

(ނ) އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރާ އުޅަނދަކީ މި ގަވާއިދުގެ ދަށުން ތާރޑް ޕާޓީ އިންށުއަރ ކޮށްފައިވާ އުޅަނދެއްކަން، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ތަންފީޛުކުރާ ފަރާތްތަކުން ބަލައި ކަށަވަރުކުރުމުގެ ގޮތުން، އިންށުއަރެންސް ކުންފުނިތަކުން އިންށުއަރ ކޮށްދީފައިވާ އުޅަނދުތަކުގެ މައުލޫމާތު އޮންލައިންކޮށް ބެލޭނެ އިންތިޒާމު، މިނިސްޓްރީއަށާއި މިނިސްޓްރީން ކަނޑައަޅާ ފަރާތްތަކަށް ބެލޭނެ އިންތިޒާމް ހަމަޖައްސައި ދޭންވާނެއެވެ. 

 

8 ވަނަ މާއްދާއިންށުއަރެންސް ކުރާ ފަރާތް ނުވަތަ އިންށުއަރެންސް ކުންފުން

(ހ) ތާރޑް ޕާޓީ އިންށުއަރެންސްގެ ހިދުމަތް ލިބިގަންނަންވާނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، އިންށުއަރެންސްގެ ހިދުމަތް ދިނުމުގެ ހުއްދަ އޮތް، އިންށުއަރެންސް ކުންފުންޏަކުންނެވެ.

(ށ) ތާރޑް ޕާޓީ އިންށުއަރެންސް ކޮށްފައިވާ އެއްގަމު އުޅަނދަކުން އެކްސިޑެންޓެއް ހިނގުމާ ގުޅިގެން ލިބޭ ގެއްލުމުގެ ބަދަލު، އެ އުޅަނދެއް އިންށުއަރ ކޮށްފައިވާ ކުންފުނިން، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހަމަޖައްސަންވާނެއެވެ.

 

9 ވަނަ މާއްދާ - ފިޔަވަޅުއެޅުން

މި ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ދެވޭ އަދަބަކީ 750 (ހަތް ސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

 

10 އެކްސިޑެންޓްގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލު ލިބިދިނުން

(ހ) ތާރޑް ޕާޓީ އިންށުއަރެންސް ކޮށްފައިވާ އުޅަނދަކުން ދިމާވާ އެކްސިޑެންޓުގެ ސަބަބުން އަނެކާއަށް ނުވަތަ އަނެކާގެ އުޅަނދަކަށް ނުވަތަ ތަނަކަށް ނުވަތަ މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ދޭންޖެހޭނީ ، އެ އުޅަނދެއް އިންށުއަރ ކޮށްފައިވާ އިންށުއަރެންސް ކުންފުންޏަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލިބިދެވޭ ބަދަލު، އެކްސިޑެންޓް ހިނގި ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިބިދޭންޖެހޭނެއެވެ. ނުވަތަ ލިބިދެވޭނެ ގޮތެއް ހަމަޖައްސައިދޭން ވާނެއެވެ.

 

11 ވަނަ މާއްދާ - ތަހުގީގު ކުރުމާއި ގެއްލުމުގެ ނިސްބަތް ދެންގަންނާނެ ގޮތް

(ހ) ތާާރޑް ޕާޓީ އިންށުއަރެންސް ކޮށްފައިވާ އުޅަނދެއް އެކްސިޑެންޓް ވެއްޖެނަމަ، އެކަން ވަގުތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓް ކުރަންވާނެއެވެ. އަދި އެކްސިޑެންޓުގައި އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، އެކްސިޑެންޓް ހިނގައިފައިވާ ގޮތް ބަލައި ތަހުގީގުކޮށް، އެކަމުގެ ރިޕޯޓެއް، އެކްސިޑެންޓުގައި ހިމެނޭ ފަރާތްތަކަށް، 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ދޫކުރަންވާނެއެވެ.

(ށ)  މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އެކްސިޑެންޓް އިތުރަށް ތަހުގީގު ކުރަން ޖެހުނު ނަމަވެސް، އެކަން ކުރަންވާނީ މި މާއްދާގެ (ހ) ގައިވާ އުސޫލުންނެވެ.

(ނ) އެކްސިޑެންޓުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދެނެގަންނާނީ، އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން ކުރާ ތަހުގީގުގެ ރިޕޯޓަށް ބިނާކޮށް، އެ އިންށުއަރެންސް ކުންފުންޏަކުން ނުވަތަ އެ ކުންފުނިން ކަނޑައަޅާ ފަރާތަކުންނެވެ. އަދި ލިބިފައިވާ ގެއްލުމުގެ ބަދަލު އިންށުއަރެންސް ކުންފުނިން ދޭންވާނީ ގެއްލުން ލިބުނު ފަރާތަށެވެ.

 

12 ވަނަ މާއްދާ - ށަރުއީ ކޯޓަށް މައްސަލަ ހުށަހެޅުން

އެކްސިޑެންޓުގެ ސަބަބުން ލިބުނު ގެއްލުމަކަށް ކަނޑައަޅާ ބަދަލުގެ އަދަދާމެދު އެކްސިޑެންޓުގައި ހިމެނޭ ދެފަރާތުގެ ދެމެދުގައި ދެބަސްވުން އުފެދިއްޖެ ހާލަތެއްގައި އެ މައްސަލަ، ކަމާބެހޭ ށަރުއީ ކޯޓަކަށް ހުށަހެޅުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

13 ވަނަ މާއްދާއިންށުއަރެންސް ކުންފުނިތަކުން މައުލޫމާތު ހިއްސާކުރުން

ކޮޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 1 (އެކެއް) ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އަދި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 1 (އެކެއް) ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ވޭތުވެދިޔަ 6 (ހައެއް) މަސްދުވަހުގެ މުއްދަތުގެ ތެރޭގައި އެއްގަމު އުޅަނދުގެ ތާރޑް ޕާޓީ އިންށުއަރެންސާ ގުޅޭގޮތުން އިންށުއަރެންސް ކުންފުނިތަކުން އަންނަނިވި މުއާމަލާތްތަކުގެ މައުލޫމާތު މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ހ) އެއްގަމު އުޅަނދު ތާރޑް ޕާޓީ އިންށުއަރ ކުރުމަށް އިންށުއަރެންސް ކުންފުންޏަށް ހުށަހަޅައިފައިވާ ހުށަހެޅުންތަކުގެ އަދަދު.

(ށ) އިންށުއަރަންސް ކުންފުނިތަކުން ދޫކޮށްފައިވާ ތާރޑް ޕާޓީ އިންށުއަރެންސް ޕޮލިސީގެ އަދަދު.

(ނ) އިންށުއަރެންސް ކުންފުނިތަކުން ދޫކޮށްފައިވާ ތާރޑް ޕާޓީ އިންށުއަރެންސް ޕޮލިސީގެ ދަށުން ބަދަލު ހޯދުމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުންތަކުގެ އަދަދު.

(ރ) އިންށުއަރެންސް ކުންފުނިތަކުން ދޫކޮށްފައިވާ ތާރޑް ޕާޓީ އިންށުއަރެންސް ޕޮލިސީގެ ދަށުން ބަދަލު ހޯދުމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުންތަކުގެ ތެރެއިން ބަދަލުގެ މިންވަރެއް ދޭންނުޖެހޭ ކަމުގައި ނިންމައިފައިވާ އަދަދާއި، ބަދަލުގެ މިންވަރެއް ދިނުމަށް ނިންމައިފައިވާ އަދަދު.

(ބ) އިންށުއަރެންސް ކުންފުނިތަކުން ދޫކޮށްފައިވާ ތާރޑް ޕާޓީ އިންށުއަރެންސް ޕޮލިސީގެ ދަށުން ބަދަލުގެ ގޮތުގައި ދީފައިވާ ޖުމުލަ އަދަދު.

 

14 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

15 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހަދައިފައިވާ ގަވާއިދުތައް ބާތިލުކުރުން

(ހ) މިި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2012-21 (އިންޖީނުލީ އެއްގަމު އުޅަނދު ތާރޑް ޕާޓީ އިންށުއަރެންސް ކުރުމުގެ ގަވާއިދު) ބާތިލުވީއެވެ.

(ށ) މި މާއްދާގެ (ހ) ބަޔާންކޮށްފައިވާ ގަވާއިދު ނަންބަރު 2012-21 (އިންޖީނުލީ އެއްގަމުއުޅަނދު ތާރޑް ޕާޓީ އިންށުއަރެންސް ކުރުމުގެ ގަވާއިދު) ބާތިލު ކުރި ނަމަވެސް، އެ ގަވާއިދުގެ ދަށުން ކޮށްފައިވާ އިންށުއަރެންސް ޕޮލިސީތަކަށް އަމަލުކުރެވޭނީ، ނުވަތަ ގެއްލުމުގެ ބަދަލު ދޭންޖެހި ނުދެވި ހުރި ފަރާތްތަކަށް އިންށުއަރެންސް ޕޮލިސީގެ ދަށުން ބަދަލު ދިނުމާ ގުޅޭ ކަންކަން އިންތިޒާމުވެގެންދާނީ އިންށުއަރެންސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށެވެ.

 

16 ވަނަ މާއްދާ - މާނަކުރުން

މިި ގަވާއިދުގައި، ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް އެ ވަގުތަކު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ވުޒާރާއަކަށެވެ.

(ށ) "އެކްސިޑެންޓް" ކަމުގައި ބުނެފައި އެވަނީ، އިންޖީނުލީ އުޅަނދެއް ދުއްވާ ދުއްވުމުގައި ނުވަތަ ބޭނުންކުރުމުގައި، މީހެއްގެ ގައިގައި ނުވަތަ ތަނެއްގައި ނުވަތަ އެއްޗެއްގައި ޖެހުމަށެވެ.

(ނ) "މީހެއް" ކަމުގައި ބުނެފައިވާ މާނައިގެ ތެރޭގައި ހުރިހާ އުމުރުފުރައެއްގެ އިންސާނުން ހިމެނެއެވެ.

(ރ) "އެއްގަމު ދަތުރުފަތުރުގެ ނިޒާމު" ކަމަށް ބުނެފައި އެވަނީ، މީހުން އުޅޭ ރަށްރަށާއި، އަދި އާންމު ހިދުމަތްދޭ ތަންތަނުގައި އެއްގަމު އުޅަނދުތައް ދުއްވުމަށް ކަނޑައަޅިފައިވާ މަގުތަކާއި، ފާލަންތަކާއި، އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން ހިނގާބިނގާވެއުޅުމަށާއި ދުއްވުމަށް ކަނޑައެޅިފައިވާ މަގުތަކާއި ގޯޅިތަކާއި، އަމިއްލަ ބޭނުމަށް ނުވަތަ ސިނާއީ ބޭނުންތަކަށް ދޫކުރެވިފައިވާ ބިންބިމާއި ވަކިކަމަކަށް ދޫކުރެވިފައިވާ ރަށްރަށުގައި އާންމުކޮށް ދުއްވުމާއި ހިނގާބިނގާވެއުޅުމަށް ހަދައިފައިވާ މަގުތަކާއި ގޯޅިތަކާއި ސަރަހައްދުތަކާއި، މިފަދަ ތަންތަނުގައި ދުއްވާ ހުރިހާ ބާވަތެއްގެ އުޅަނދުތަކާއި، ދުއްވާ މީހުންނަށެވެ.

(ބ) "އެއްގަމު އުޅަނދު" ކަމަށް ބުނެފައި އެވަނީ، މީހުން އުފުލުމަށާއި، މުދާ އުފުލުމަށާއި، މީހުންނާއި މުދާ އުފުލުމަށާއި، ތަފާތު އާންމު ހިދުމަތް ދިނުމުގެ ގޮތުން އެއްގަމުގައި ދުއްވުމަށް ނުވަތަ ތަކެތި ގެންދިޔުމަށް ނުވަތަ ދަތުރުކުރުމަށް އުފައްދައިފައި ހުންނަ އުޅަނދަށެވެ

(ޅ) "ތާރޑް ޕާޓީ އިންށުއަރެންސް" ކަމަށް ބުނެފައި އެވަނީ، ތިމާގެ އުޅަނދަކުން އަނެކާއަށް ނުވަތަ އަނެކާގެ އުޅަނދަކަށް ނުވަތަ ތަންތަނާއި މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ދެވޭގޮތަށް ކޮށްފައި ހުންނަ އިންށުއަރެންސަށެވެ.

(ކ) "އިންޖީނުލީ އުޅަނދު" ކަމަށް ބުނެފައި އެވަނީ، ތެޔޮ ބޭނުންކޮށްގެންނާއި، ކަރަންޓު ބޭނުންކޮށްގެން ނާއި، އިރުގެ ހަކަތަ ނުވަތަ ބެޓެރީގެ ހަކަތަ ބޭނުންކޮށްގެންނާއި، ނުވަތަ އެނޫންވެސް ހަކަތައިގެ ބާވަތެއް ބޭނުންކޮށްގެން، ނުވަތަ އެނޫންވެސް ހަކަތައިގެ ބާވަތެއްގެ އެހީގައި ބޭނުންކުރެވިދާނެ، ނުވަތަ ދުއްވިދާނެ ކޮންމެ އެއްގަމު އުޅަނދަކަށެވެ.

 

އުވުނު ގަވާއިދު

އިންޖީނުލީ އެއްގަމު އުޅަނދު ތަރޑް ޕާޓީ އިންށުއަރެންސް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-21)

 

މައި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު