-

އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2021-144)

މި ގަވާއިދުން ވަނީ ގަވާއިދު ނަންބަރު 1/2016 އުވާލެވިފައި

1 ވަނަ މާއްދާ - ތައާރުފާއި ނަން

މިއީ ދިވެހިރާއްޖޭގައި، އާންމު ދަތުރުފަތުރުގެ ހިދުމަތެއްގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގައި އަމަލުކުރެވޭނެ އުސޫލު ބަޔާންކޮށްފައިވާ ގަވާއިދެވެ. މި ގަވާއިދުގެ ނަމަކީ، "އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހެދުމުގެ ބާރު

މި ގަވާއިދު ހެދުމަށް ބާރު ލިބިދެނީ، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އިންނެވެ.

 

3 ވަނަ މާއްދާ - މަގްސަދު މި ގަވާއިދުގެ މައިގަނޑު މަގްސަދުތައް ތިރީގައި މިވަނީއެވެ. 

(ހ) ދިވެހިރާއްޖޭގައި އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމަށް ބޭނުންވާ ސަރަހައްދުތަކުގައި ކަނޑައެޅިފައިވާ އެއް ގަވާއިދެއްގެ ދަށުން، ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ބަހުގެ ހިދުމަތް ދިނުމަށް ހަމަޖެއްސުން.

(ށ) އާންމު ދަތުރުފަތުރުގެ ގޮތުގައި ކުރެވޭ ބަހުގެ ދަތުރަކީ ފަސިންޖަރުންނަށް ރައްކައުތެރި އަމާން ދަތުރަކަށް ހެދުން.

(ނ) އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ލިބިގަންނަ ފަސިންޖަރުންނާއި ހިދުމަތް ދޭ ފަރާތްތަކުގެ މަސްލަހަތު ރައްކައުތެރިކުރުން.

(ރ) އާންމު ހިދުމަތެއްގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގައި ބައިވެރިވާ އެކި ފަރާތްތަކުގެ ޒިންމާއާއި ވާޖިބުތައް ކަނޑައެޅުން.

 

4 ވަނަ މާއްދާ - އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުން

ދިވެހިރާއްޖޭގައި، އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހދުމަތް ދެވޭނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ލިޔުމަކުން ހުއްދަ ދީފައިވާ ސަރަހައްދުތަކުގައެވެ. މިފަދަ ސަރަހައްދުތަކުގައި ބަހުގެ ހިދުމަތް ދިނުމަށް، ހިދުމަތް ދޭ ފަރާތަށް އެކަމުގެ ލައިސަންސް ދޭނީ، އެ ސަރަހައްދެއްގައި ބަހުގެ ހިދުމަތް ދިނުމާބެހޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ މަސްއޫލިއްޔަތު މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ހަވާލުކޮށްފައިވާ، ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތުންނެވެ.

 

5 ވަނަ މާއްދާ - ބަހުގެ ހިދުމަތް ދިނުމާއި ހިދުމަތް ދިނުމަށް ހުށަހެޅުން

އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދެވޭނީ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން އެކަމަށް ލައިސަންސް ދީފައިވާ ފަރާތްތަކަށެވެ.

(ހ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިން އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރަންވާނީ، BO, B2, B1 ގިންތީގެ އުޅަނދެވެ.

(ށ) އާންމު ދަތުރުފަތުރުގެ ގޮތުގައި ބޭނުންކުރާ ބަސް، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދު ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތެންވާނެއެވެ.

(ނ) އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމަށް އެދޭ ފަރާތްތަކުން އެކަމަށް ކުރިމަތިލުމަށް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން އިއުލާނު ކުރުމުން، އެކަމަށް އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމެނޭގޮތަށް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ޕްރޮޕޯޒަލެއް ހުށަހަޅަންވާނެއެވެ.

  1. ހިދުމަތް ދިނުމަށް އެދި ހުށަހަޅާ ފަރާތުގެ މައުލޫމާތު؛
  2. ހިދުމަތް ދިނުމަށް އެދި ހުށަހަޅާ ފަރާތުގެ މާލީ ގާބިލުކަން ހުރި މިންވަރު އެނގޭނެ ލިޔުން؛
  3. އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހުށަހަޅާ ގޮތުގެ ތަފުސީލު.

 

6 ވަނަ މާއްދާ - ބަސް ދަތުރު ކުރާނޭ މަގުތައް ކަނޑައެޅުން

(ހ) ބަހުގެ ހިދުމަތް ދޭ ސަރަހައްދުގައި ބަސް ދަތުރުކުރާނޭ މަގުތައް ކަނޑައަޅާނީ، އެ ސަރަހައްދެއްގައި ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތާއި، ހިދުމަތް ދޭ ފަރާތާ ދެމެދު މަށްވަރާ ކުރުމަށްފަހު، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަނޑައަޅާ މަގުތަކާއި، އެ މަގުތަކަށް ބަދަލެއް ގެނެވިއްޖެނަމަ ގެނެވޭ ބަދަލުތައް، އެ ގޮތަށް އަމަލުކުރަން ފެށުމުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން، ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތުން، ހިދުމަތް ދޭ ފަރާތަށާއި ހިދުމަތް ލިބިގަންނަ ފަރާތަށް އަންގަންވާނެއެވެ. އަދި ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތުން މިކަން ހިދުމަތް ދޭ ފަރާތަށް އަންގަންވާނީ ލިޔުމުންނެވެ. އަދި މިކަން ހިދުމަތް ލިބިގަންނަ ފަރާތަށް އެކަން އެންގުމަށްޓަކައި ހިދުމަތް ދޭ ފަރާތުން މި މައުލޫމާތު އާންމުކޮށް އިއުލާނު ކުރަންވާނެއެވެ. 

 

7 ވަނަ މާއްދާ - ބަސްހުއްޓިތައް ހަދައި، ބެލެހެއްޓުން

(ހ) ބަހުގެ ހިދުމަތް ދޭ ސަރަހައްދުގައި ބަސް ހުއްޓާނޭ ބަސްހުއްޓިތައް ހަދާނޭ ތަންތަން ކަނޑައަޅާނީ، އެ ސަރަހައްދެއްގެ ލޯކަލް ކައުންސިލުންނެވެ.

(ށ) ބަސް ހުއްޓާނޭ ބަސްހުއްޓިތައް ހަދައި ބަލަހައްޓާނީ، އެ ސަރަހައްދެއްގެ ލޯކަލް ކައުންސިލުންނެވެ.

(ނ) ލޯކަލް ކައުންސިލްތަކުން ބަސްހުއްޓިތައް މަރާމާތުކޮށް، ސާފުތާހިރުކޮށް ބަލަހައްޓަންވާނެއެވެ.

(ރ) ބަސްހުއްޓިތަކަށް ގެއްލުމެއް ލިބޭ ފަދަ އަދި އެ ތަންތަނުގެ ސާފުތާހިރުކަން ގެއްލޭ ފަދަ އެއްވެސް ކަމެއް، އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ.

(ބ) ބަސްހުއްޓިތައް ހުންނަންވާނީ މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށެވެ.

 

8 ވަނަ މާއްދާ - ބަސް ރަޖިސްޓަރީކުރުން

ހިދުމަތް ދޭ ފަރާތުން ބަހުގެ ހިދުމަތް ދޭންވާނީ، ހިދުމަތް ދިނުމަށް ބޭނުންކުރާ ބަސް، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް، މި ފަދަ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދު ރަޖިސްޓަރީ ކޮށްގެންނެވެ. 

 

9 ވަނަ މާއްދާ - ބަހުގައި ގާއިމުކުރަންޖެހޭ ބައެއް ނިޒާމު

(ހ) ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ބަހުގައި، ބޭނުންކުރެވޭ ހާލަތުގައި ހުރި އަލިފާންނިވި ހަރުކުރެވިފައި ހުންނަންވާނެއެވެ. އަދި ބަހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އެ ކަމުން ސަލާމަތްވުމަށްޓަކައި ފިޔަވަޅުއެޅޭނެ ނިޒާމެއް، މިނިސްޓްރީ އޮފް ޑިފެންސްއިން ގަބޫލުކުރާ މިންވަރަށް ގާއިމުކޮށްފައި ހުންނަންވާނެއެވެ.

(ށ) ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ބަހުގައި، އަވަސްފަރުވާގެ ހިދުމަތް ދިނުމަށް ބޭނުންވާ ފުރަތަމައެހީގެ ތަކެތި، ބޭނުންކުރެވޭގޮތަށް އަބަދުވެސް ހުންނަން ވާނެއެވެ.

(ނ) ބަހުގެ ހިދުމަތް ލިބިގަންނަން ބޭނުންވާ 65 (ފަސްދޮޅަސް ފަހެއް) އަހަރުން މަތީގެ ދޮށީ އުމުރުގެ މީހުންނާއި، ހާއްސައެހީއަށް ބޭނުންވާ މީހުންނާއި، ޖިސްމާނީ އުނިކަން އިހުސާސްކުރަން ޖެހިފައިވާ މީހުންނާއި، ކުޑަކުދިންނާއި، މާބަނޑު އަންހެނުން، ފަސޭހަކަމާއެކު ބަހަށް އަރައި ފޭބުމުގެ އިންތިޒާމާއި،ބަހުގައި އިށީނދެ ތިބެވޭނެ އިންތިޒާމް، ބަހުގައި ހަމަޖައްސައިފައި ހުންނަންވާނެއެވެ. އަދި މި ފަރާތްތަކަށް ހާއްސަކޮށްފައިވާ ގޮނޑިތައް ފާހަގަކޮށްފައި ހުންނަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މީހުން، ބަހަށް އަރައި ފޭބުމާއި، އިށީނދެ ތިބުމުގައި، ބަސް ޑްރައިވަރު ނުވަތަ ޑްރައިވަރުގެ އެހީތެރިޔާ އެހީތެރިވެދޭންވާނެއެވެ.

(ބ) ހިދުމަތް ދިނުމަށް ބޭނުންކުރާ ބަހުގައި، ބަހަށް އަރައި ފައިބައި ދޮރާއި، ބަހުގެ އެތެރެ ފެންނަގޮތަށް ސެކިއުރިޓީ ކެމެރާ ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި ބަހުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ރައްކައުތެރިކަމަށް ޓަކައި، ސެކިއުރިޓީ ކެމެރާއިން ރެކޯޑުކުރެވޭ މަންޒަރުތައް 6) ހައެއް) މަސްދުވަހު ،ހިދުމަތްދޭ ފަރާތުން ރައްކައުކޮށް ބަލަހައްޓަންވާނެއެވެ. 

 

10 ވަނަ މާއްދާ - ޑްރައިވަރާއި އެހީތެރިޔާ

(ހ) ބަސް ދުއްވާ ޑްރައިވަރަކީ، ބަސް ދުއްވުމުގެ ކެޓަގަރީގެ ޑްރައިވިންގ ލައިސަންސާއި، އާންމު ދަތުރުފަތުރުގެ ގޮތުގައި ބަސް ދުއްވުމުގެ ހުއްދަ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ދީފައިވާ ދިވެއްސަކަށް، ނުވަތަ ދިވެހިބަހުން ވާހަކަދައްކަން އެނގޭ، ދިވެހި ދައުލަތުގެ ރެސިޑެންޓް ވިސާ ލިބިފައިވާ ބިދޭސީއަކަށް ވާންވާނެއެވެ.

(ށ) ބަސް ދުއްވާ ޑްރައިވަރަކަށް އާންމު ދަތުރުފަތުރުގެ ގޮތުގައި ބަސް ދުއްވުމުގެ ހުއްދަ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ދޫކުރާނީ، އެ މީހެއްގެ ކުށުގެ ރިކޯޑެއް އޮތްތޯ ބަލައި، ވޭތުވެދިޔަ 3 (ތިނެއް) އަހަރުގެ ތެރޭގައި ޕޮލިހުގައި ޖިނާއީ ކުށެއްގެ ރިކޯޑެއް ނެތްނަމައެވެ.

(ނ) ބަހުގެ ހިދުމަތް ދޭއިރު ބަހުގައި އެހީތެރިޔަކު ހުންނަނަމަ، އެހީތެރިޔާއަކީ އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސަކަށް، ނުވަތަ ދިވެހިބަހުން ވާހަކަދައްކަން އެނގޭ، ދިވެހި ދައުލަތުގެ ރެސިޑެންޓް ވިސާ ލިބިފައިވާ ބިދޭސީއަކަށް ވާންވާނެއެވެ. އަދި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ޕޮލިސް ރެކޯޑެއް ނެތް މީހެއް ކަމުގައި ވާންޖެހެނެއެވެ.

(ރ) ބަހުގައި ހިދުމަތް ދިނުމަށް ތިބޭ ޑްރައިވަރާއި އެހީތެރިޔާ، ހިދުމަތް ދިނުމުގައި،ފަސިންޖަރުންނާ މުއާމަލާތު ކުރަންވާނީ އިހުތިރާމާއެކު ރަނގަޅަށެވެ.

(ބ) ބަހުގައި ހިދުމަތް ދިނުމަށް ތިބޭ ޑްރައިވަރާއި އެހީތެރިޔާ، ހިދުމަތް ދިނުމުގައިމި ނަންބަރުގެ (ރ) ގައިވާ ގޮތުގެ މަތިން، ފަސިންޖަރުންނާ މުއާމަލާތު ކުރަނީ ރަނގަޅަށްތޯ، ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތުން ބަލަންވާނެއެވެ.

(ޅ) ބަހުގައި ހިދުމަތް ދިނުމަށް ތިބޭ ޑްރައިވަރާއި އެހީތެރިޔާ، ހިދުމަތް ދޭ ވަގުތުތަކުގައި ތިބެންވާނީ ޔުނީފޯމެއް އަޅައިގެންނެވެ. އަދި ހިދުމަތް ދޭ ވަގުތުތަކުގައި ތިބެންވާނީ ސާފުތާހިރުކޮށެވެ.

(ކ) ބަހުގެ ހިދުމަތް ދިނުމަށް ތިބޭ ޑްރައިވަރާއި އެހީތެރިޔާ އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު، ބަހުގެ ހިދުމަތްދޭ ފަރާތުން ހަދައި، އެ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ޑްރައިވަރާއި އެހީތެރިޔާ އަމަލުކުރޭތޯ ، ބަހުގެ ހިދުމަތްދޭ ފަރާތުން ގަވާއިދުން ބަލަންވާނެއެވެ.

(އ) ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އާ ހިލާފު ނުވާނެ ގޮތެއްގެ މަތިން އެއްފަހަރާ 12 (ބާރަ) ގަޑިއިރަށް ވުރެ ދިގު ނުވާނޭހެން، ބަހުގެ ހިދުމަތް ދިނުމަށް ތިބޭ ޑްރައިވަރާއި އެހީތެރިޔާގެ ޑިއުޓީ ކުރަންޖެހޭ ގަޑިތަކާއި ތާވަލު، ހުސް ވަގުތުތައް އެނގޭގޮތަށް، ބަހުގެ ހިދުމަތްދޭ ފަރާތުން ކަނޑައަޅަންވާނެއެވެ. އަދި ޑިއުޓީ ގަޑީގައި ވެސް ޑްރައިވަރާއި އެހީތެރިޔާއަށް ބަހުގެ ހިދުމަތް ދެވޭނީ މެދުނުކެނޑި 3 (ތިނެއް) ގަޑިއިރެވެ އަދި ކޮންމެ3 (ތިނެއް) ގަޑިއިރަކުން 1 (އެކެއް) ގަޑިއިރުގެ ބްރޭކެއް ނަގަންވާނެއެވެ.

 

11 ވަނަ މާއްދާ - ހިދުމަތުގެ އަގު ކަނޑައެޅުން

(ހ) ބަހުގެ ހިދުމަތް ދިނުމުގައި ހިދުމަތަށް ނަގާ އަގު ކަނޑައަޅާނީ، ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތާއި ހިދުމަތް ދޭ ފަރާތާ ދެމެދު މަށްވަރާކުރުމަށްފަހު، ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަނޑައަޅައިފައިވާ އަގު ނަގަންވާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންން ލިޔުމުން ހުއްދަ ލިބިގެންނެވެ.
 

12 ވަނަ މާއްދާ - ހިދުމަތް ލިބިގަންނަ ފަރާތުން ބަހަށް އަރުވާ އަތްދަބަހާއި ކޮތަޅާއި ލަގެޖް ފަދަ ތަކެތި

(ހ) ހިދުމަތް ލިބިގަންނަ ފަރާތުން ބަހަށް އަރުވާ ވީލްޗެއަރއާއި، ކުޑަކުދިންގެ ޕްރޭމާއި، އަތްދަބަސް ފަދަ ތަކެއްޗަށް އިތުރު ފީއެއް ނެގުމަކީ މަނާކަމެކެވެ.

(ށ) ހިދުމަތް ލިބިގަންނަ ފަރާތެއްގެ އަތުގައި އޮންނަ، އެކުގައި ދަތުރުކުރާ އެހެންފަރާތަކަށް އުނދަގޫނުވާވަރުގެ ކުދި އަތްދަބަހާއި ކޮތަޅު ފިޔަވައި، ބަހަށް އަރުވާ އަތްދަބަހާއި ކޮތަޅު ފަދަ ތަކެތި ބަހައްޓަންވާނީ އެފަދަ ތަކެތި ބަހައްޓަން ބަހުގައި ކަނޑައަޅައިފައި ހުންނަ ވަކި ތަނެއްގައެވެ. ނުވަތަ އެ އެއްޗެއް ބެހެއްޓުމުން ފަސިންޖަރަކު އުފުލާ ލަގެޖުގެ ބަރުދަން ޖުމުލަ 30 (ތިރީސް) ކިލޯއަށް ވުރެ ބަރުވެގެން ނުވާނެއެވެ.

 

13 ވަނަ މާއްދާ - ހިދުމަތް ލިބިގަންނަ ފަރާތަށް އެނގެން ބޭނުންވާނެ މައުލޫމާތު އެނގުން

ހިދުމަތް ދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ،މި މާއްދާގައި ބަޔާންކޮށްފައިވާ އަންނަނިވި މައުލޫމާތުތައް ބަސްހުއްޓިތަކުގައި ހަރުކޮށް، އާންމުކޮށް ފަސޭހައިން ފެންނާނޭހެން ށާއިއު ކުރަންވާނެއެވެ.

(ހ) ބަސް ދަތުރުކުރާ ގޮތުގެ ތާވަލު (ގަޑިތައް އެނގޭގޮތަށް ކަނޑައަޅައިފައިވާ) 

(ށ) ބަސްދަތުރަށް ނަގާ އަގު

(ނ) ބަހަށް އެރޭ ފަސިންޖަރުންގެ އަދަދު

(ރ) ބަސް ދަތުރު ކުރާނެ މަގު

(ބ) ބަސްހުއްޓިތައް ހުންނަ ތަންތަން

 

14 ވަނަ މާއްދާ - ބަސް ދުއްވުން

(ހ) ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދު ދުއްވަންވާނީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ބަސް ދުއްވާފައި ދާއިރު، ބަހަށް މީހުން އަރައި ފޭބުމަށް ބަހުގައި ހުންނަ ހުރިހައި ދޮރުތައް ހުންނަންވާނީ ލައްޕައިފައެވެ.

 

15 ވަނަ މާއްދާ - ފަސިންޖަރުންގެ އަދަދު

ބަހުގައި މީހުން އުފުލަންވާނީ، އެ ބަހެއްގައި ފަސިންޖަރުން އުފުލުމަށް އެ ބަހެއްގެ ރަޖިސްޓަރީގައި ކަނޑައަޅައިފައިވާ އަދަދަށްވުރެ އިތުރު ނުވާގޮތަށެވެ.

 

16 ވަނަ މާއްދާ - ހިދުމަތް ބޭނުންވާ މީހުންނަށް ހިދުމަތް ފޯރުކޮށްދިނުން

ބަހުގައި ދަތުރުކުރާ މީހުން އިތުރުވާ ވަރަކަށް، ހިދުމަތްދޭ ފަރާތުން، ހިދުމަތް ދިނުމަށް ބޭނުންކުރާ ބަހުގެ އަދަދު އިތުރުކޮށް، ބަހުގެ ހިދުމަތް ބޭނުންވާ މީހުންނަށް ހިދުމަތް ފޯރުކޮށްދޭންވާނެއެވެ. 

 

17 ވަނަ މާއްދާ - ހިދުމަތް މެދުކެނޑުން

އެއްވެސް މައްސަލަ ދިމާވެގެން ބަހުގެ ހިދުމަތް މެދުކެނޑިއްޖެނަމަ، އެ މައްސަލައެއް ދިމާވިތާ ލަސްވެގެން 30 (ތިރީސް) މިނެޓުގެ ތެރޭގައި ހިދުމަތް ލިބިގަންނަ ފަރާތަށް އެކަން އެނގޭނެ އިންތިޒާމު، ހިދުމަތް ދިނުމަށް ލައިސަންސްދޭ ފަރާތުން، ހަމަޖައްސަންވާނެއެވެ. އަދި މި ގޮތަށް އަންގާ އެންގުމުގައި، އަލުން ބަހުގެ ހިދުމަތް ފެށޭނެ ވަގުތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

18 ވަނަ މާއްދާ - ބަހުގައި ވިޔަފާރީގެ މުއާމަލާތް ކުރުން

ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ބަހުގައި ފަސިންޖަރުން، އެއްވެސް އެއްޗެއް ގަނެ، ވިއްކައި ހެދުމަކީ މަނާކަމެކެވެ.

 

19 ވަނަ މާއްދާ - ބަހުގެ ސާފުތާހިރުކަން

ހިދުމަތްދޭ ފަރާތުން ބަހުގެ ބޭރާއި އެތެރެ ސާފުތާހިރުކޮށް ބަލަހައްޓަންވާނެއެވެ.

 

20 ވަނަ މާއްދާ - ބަހުގެ ވެށީގެ ރައްކައުތެރިކަމާއި ހިތްހަމަޖެހުން ދެމެހެއްޓުން

(ހ)  މަގުމަތީގައި ބަސްދުއްވައިފައި ދާއިރުގައްޔާއި، ބަސްހުއްޓިއެއްގައި ބަސް މަޑުކޮށްފައި އޮންނައިރު، ބަހުގެ ހިދުމަތަށް ހުރަސްއެޅޭގޮތަށް އެއްވެސް މީހަކު އަދި އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެއެވެ.

(ށ) ފަސިންޖަރުން ބަހަށް އަރައި ފައިބާއިރުގައްޔާއި ބަހުގައި ދަތުރު ކުރަމުންދާއިރު، ބަސް ދުއްވަން އިންނަ ޑްރައިވަރަށް އުނދަގޫވާ ފަދަ އެއްވެސް އަމަލެއް، އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ.

(ނ) ބަހުގައި ދަތުރުކުރާ ފަސިންޖަރުން އެކަކު އަނެކަކަށް އުނދަގޫކޮށް، ބަހުގެ 
ތެރޭގައި މަސްލަހަތު ގެއްލޭ ފަދަ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ.
(ރ) މޯބައިލްފޯނު، ނުވަތަ އަޑު ނުކުންނަ ބާވަތުގެ އެހެން އެއްވެސް އާލާތެއް (ރޭޑިޔޯ، ކެސްޓް ޕްލޭޔަރ، ސީޑީ ޕްލޭޔަރ، ޓީވީ، އެމް.ޕީ 3 ޕްލޭޔަރ، ޑީވީޑީ ޕްލޭޔަރ ނުވަތަ މިނޫންވެސް މި ބާވަތުގެ އެހެން އެއްވެސް އެއްޗެއް) ބަހުގައި ދަތުރުކުރާ ފަސިންޖަރުން ބޭނުންކުރަންވާނީ، ހެޑްފޯނު ބޭނުންކޮށްގެން އަޑުއަހާ ގޮތަށެވެ. ނުވަތަ ދަތުރުކުރާ އެހެން ފަސިންޖަރުންނަށް އުނދަގޫނުވާ ގޮތުގެ މަތީންނެވެ.

(ބ)  އިމަރޖެންސީ ހާލަތެއްގައި މެނުވީ، ބަސްހުއްޓީއަކަށް ނޫން އެހެން އެއްވެސް ތަނަކަށް ބަސް ހުއްޓައިގެން އެތަނަކުން ބަހަށް މީހުން އަރުވައި ބޭލުމަކީ މަނާކަމެކެވެ. 

(ޅ) ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ބަސްތަކުގެ އެއްވެސް ތަނެއްގައި، ބަހުގެ ހިދުމަތްދޭ ފަރާތުގެ ހުއްދަނެތި އެއްވެސް މީހަކު، އެއްވެސް ބާވަތެއްގެ އެއްޗެއް ލިޔެ، ކުރަހައި، ޕޯސްޓަރު ހަރުކޮށްގެން ނުވާނެއެވެ.

(ކ) ބަހުގެ އެތެރެއާއި ބޭރު ހަޑިވާ އެއްވެސް އަމަލެއް، އަދި ބަހަށް ގެއްލުމެއް ލިބޭ ފަދަ އެއްވެސް ކަމެއް، ހިދުމަތް ލިބިގަންނަ ފަރާތުން ކޮށްގެން ނުވާނެއެވެ.

(އ) ބަހުގެ އެތެރޭގައްޔާއި ބަސްހުއްޓީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ.

(ވ) މަސްތުގެ ހާލަތުގައި ނުވަތަ މަސްތުވާ އެއްޗެއް ބޭނުންކޮށްގެން ބަހަށް އެރުމަކީ ނުވަތަ ބަހުގެ ހިދުމަތް ލިބިގަތުމަށް ބަހަށް އެރުމަށް މަސައްކަތް ކުރުމަކީ މަނާކަމެކެވެ.

 

21 ވަނަ މާއްދާ - ސްކޫލް ބަސް

ސުކޫލް ކުދިންނަށް ހާއްސަކޮށްގެން ވަކި ބަހެއް ދުއްވިދާނެއެވެ. މިގޮތަށް ސްކޫލު ކުދިންނަށް ހާއްސަކޮށްގެން ވަކި ބަހެއް ތައާރަފު ކުރާނަމަ، މި ގަވާއިދުގައި ކަނޑައަޅައިފައިވާ އާންމު މިންގަނޑުތަކާއި، މި ގަވާއިދުގެ 22 ވަނަ މާއްދާއިން ފެށިގެން 26 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކުރަން ވާނެއެވެ.

 

22 ވަނަ މާއްދާ - ސްކޫލް ބަސް ދަތުރުކުރުން

ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ވަކި ބަހެއް ދުއްވާނަމަ، ސްކޫލް ބަހެއްކަން އެނގޭ ފަދަ ނަން ބޯޑެއް ފަސޭހަކަމާއެކު ފެންނަގޮތަށް ބަހުގައި ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި ސްކޫލުތަކާ ވީހާވެސް ކައިރިއަށް ބަސް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ. މިކަންތައް ކަނޑައަޅާނީ މިނިސްޓްރީ އޮފް އެޑިޔުކޭށަންގެ މަށަވަރާއާއެކުގައެވެ.

 

23 ވަނަ މާއްދާ - ސްކޫލް ކުދިން ބަހަށް އެރުވުމާއި ބޭލުން

ސްކޫލް ކުދިންނަށް ބަހުގެ ހިދުމަތް ފޯރުކޮށްދިނުމަށް، މި މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު، މިނިސްޓްރީ އޮފް އެޑިޔުކޭށަނުން ކަނޑައަޅާ އުސޫލެއްގެ މަތިން ހިދުމަތް ދިނުމަށް ލައިސަންސްދޭ ފަރާތުން ސްކޫލުތަކަށާއި ބެލެނިވެރިންނަށް އަންގަން ވާނެއެވެ.

(ހ) ސްކޫލް ކުއްޖެއްކަން އަންގައިދޭ ފޮޓޯޖެހި ކާޑެއް އޮތުން.

(ށ) ބަސް ދަތުރުކުރާ ރޫޓާއި ނަންބަރު.

(ނ) ބަސް ދަތުރުކުރާ ގޮތުގެ ތާވަލު.

(ރ) ބަސްދަތުރުގެ އަގު؛ އެއްކޮޅު، ދެކޮޅު، ދުވަހު ފާސް، ހަފުތާ ފާސް، މަހު ފާސް، އަހަރު ފާސް.

(ބ) ބަހަށް އެރޭ ފަސިންޖަރުންގެ އަދަދު.

(ޅ) ބަސް ދަތުރުކުރާ މަގު.

(ކ) ބަސްހުއްޓިތައް ހުންނަ ތަންތަން.

(އ) ސްކޫލު ކުދިން ބަހުގައި ދަތުރުކުރާއިރު ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސައިފައިވާ ގޮތް.

(ވ) ސްކޫލް ކުދިން އަންނަ ވަގުތާއި، ސްކޫލު ނިންމައިފައި ކުދިން ގެއަށްދާ ވަގުތު އެ ކުދިން ބަހަށް އެރުވުމާއި ބޭލުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް.

 

24 ވަނަ މާއްދާ - ސްކޫލް ބަހުގައި ކުދިން އުފުލުން

މި ގަވާއިދުގެ 21 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ސްކޫލް ކުދިންނަށް ހާއްސަ ބަހެއް ތައާރަފު ކުރާނަމަ، ތިރީގައިމިވާ ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ.

(ހ) ސްކޫލް ބަހަކީ ސްކޫލް ކުދިންނަށް ހާއްސަ ބަހަކަށްވާތީ، އާންމު ފަސިންޖަރުން ނޭރުވުން.

(ށ) ބަހުގައި ދަތުރުކުރުމަށް ހުއްދަކުރާ މިންވަރަށްވުރެ އިތުރަށް ކުދިން ނޭރުވުން.

(ނ) ރައްކައުތެރިވުމަށް އަޅަންޖެހޭ ސީޓްބެލްޓް އެޅުވުން.

(ރ) ދަށު ގްރޭޑުތަކުގެ ކުދިންނަށް ފަސޭކަމާއެކު އިށީނދެތިބެވޭ ކަހަލަ ތިރި ގޮނޑި ބަހުގައި ހަރުކުރެވިފައި ހުރުން.

(ބ) ދިމާވާ ނުރައްކާތެރި ހާދިސާތަކުން ކުދިން ސަލާމަތް ކުރުމަށް އަލިފާން ނިވާ ފުޅިއާއި، ފުރަތަމަ އެހީގެ ތަކެތި ބަހުގައި ހަރުކޮށްފައި ހުރުން.

 

25 ވަނަ މާއްދާ - ސްކޫލް ކުދިންގެ ބަހުގެ އަގުތައް

ސްކޫލު ކުދިންނަށް ހާއްސަކޮށްގެން ހެޔޮ އަގުތަކެއް ބަސްދަތުރުކޮށްދޭ ފަރާތުން ހަމަޖައްސަން ވާނެއެވެ.

 

26 ވަނަ މާއްދާ - ސްކޫލް ބަސް ދުއްވާ ގަޑި

ސްކޫލްތަކުގެ ދިރާސީ އަހަރުގެ ކިޔެވުން އޮންނަ ދުވަސްތަކުގައި ކަނޑައެޅިފައިވާ ދަންފަޅިތަކުގައި، ގަޑިއަށް ދަތިކަމެއްނެތި ބަހުގައި ސްކޫލަށް ދިޔުމުގެ ބަސްދަތުރު، އަދި ސްކޫލް ނިމުމުން ސްކޫލްކުދިން ގެއަށް ދިޔުމުގެ ބަސްދަތުރު، މިނސިޓްރީ އޮފް އެޑިޔުކޭށަންގެ މަށްވަރާގެ މަތީން ބަހުގެ ހިދުމަތްދޭ ފަރާތުން ހަމަޖައްސަންވާނެއެވެ.

 

27 ވަނަ މާއްދާ - ހިދުމަތް ދޭ ގޮތް ބެލުން

ހިދުމަތް ދޭ ފަރާތުން އެ ހިދުމަތް ދެމުން ގެންދާގޮތް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ރަނގަޅަށް ބަލަންވާނެއެވެ.

 

28 ވަނަ މާއްދާ - ހުށަހެޅޭ ށަކުވާ ބެލުން

(ހ) ހިދުމަތް ދޭ ފަރާތަށް ނުވަތަ ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތަށް ފަސިންޖަރުން ހުށަހަޅާ ށަކުވާތައް، އެ ފަރާތްތަކުން ބަލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ށަކުވާ އެ ފަރާތްތަކަށް ބަލައި ނުދީފިނަމަ، އެ ށަކުވާއެއް ލިޔުމުން ނުވަތަ ހޮޓްލައިން މެދުވެރިކޮށް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ހުށަހެޅިދާނެއެވެ.

(ނ) ބަހުގެ ހިދުމަތް ދިނުމުގައި ހިދުމަތް ދޭ ފަރާތާއި ފަސިންޖަރުންނާ ދެމެދު ޖެހޭ މައްސަލަތަކާއި، ފަސިންޖަރުންގެ ށަކުވާގެ ކަންކަން ހައްލު ކުރުމަށް ޓަކައި ހިދުމަތް ދޭ ފަރާތުން އަޅަންޖެހޭ ފިޔަވަޅެއް އޮތް ނަމަ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ހިދުމަތް ދޭ ފަރާތަށް އެކަން އަންގައި، އެ ކަމެއް ހައްލު ކުރަންވާނެއެވެ.

 

29 ވަނަ މާއްދާ - ބަސް ޗެކެކުރުން

މި ގަވާއިދު ތަންފީޒުކުރާ ފަރާތަކުން ނުވަތަ އެކަމުގެ އިހްތިޔާރު ދީފައިވާ ފަރާތަކުން ބަސް ޗެކުކުރަން ބޭނުންވެއްޖެ ހިނދެއްގައި ބަސް ހުއްޓުވައި ޗެކުކުރުމުގެ އިހްތިޔާރު އެ ފަރާތަކަށް ލިބިގެންވެއެވެ.

 

30 ވަނަ މާއްދާ - ލައިސަންސް ބާތިލު ކުރުން

(ހ) ހިދުމަތް ދޭ ފަރާތުން އަމަލުކުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ހިލާފަށް ހިދުމަތް ދޭ ފަރާތުން އަމަލުކުރަމުންދާނަމަ، އެ ފަރާތަށް ދީފައިވާ އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުކުރުމުގެ އިހްތިޔާރު ނުވަތަ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ށ) ބަހުގެ ހިދުމަތް ދޭ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރަން ޖެހިއްޖެ ހާލަތެއްގައި، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ،ހިދުމަތް ދޭ ފަރާތަށް، މަދުވެގެން 90 (ނުވަދިހަ) ދުވަހުގެ ކުރިން އެކަން ލިޔުމަކުން އަންގަންވާނެއެވެ.

(ނ) ބަހުގެ ހިދުމަތް ދޭ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމަށް، ހިދުމަތް ދިނުމަށް ލައިސަންސްދޭ ފަރާތުން ބޭނުންވެއްޖެނަމަ، މިނިސްޓްރީ ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ސަބަބު ބަޔާންކޮށް ލިޔުމުން އަންގަންވާނެއެވެ.

 

31 ވަނަ މާއްދާ - ހިދުމަތް ހުއްޓައިލުން

ހިދުމަތް ދޭ ފަރާތުން ބަހުގެ ހިދުމަތް ހުއްޓައިލާނަމަ، ހިދުމަތް ދިނުން ހުއްޓައިލުމުގެ މަދުވެގެން 90 (ނުވަދިހަ) ދުވަހުގެ ކުރިން ހިދުމަތް ދޭ ފަރާތުން އެކަން މިނިސްޓްރީ ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިޔުމަކުން އަންގަންވާނެއެވެ.

 

32 ވަނަ މާއްދާ - ތަފާސްހިސާބު ބެލެހެއްޓުން

(ހ) ހިދުމަތް ދޭ ފަރާތުން ހިދުމަތުގެ ތަފާސްހިސާބު ބަލަހައްޓަން ވާނެއެވެ.

(ށ) ހިދުމަތް ދޭ ފަރާތުން ބަލަހައްޓާ ތަފާސްހިސާބު މިނިސްޓްރީ ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށާއި ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތަށް، މަހަކު އެއްފަހަރު، ލިޔުމުން ފޮނުވަންވާނެއެވެ.

 

33 ވަނަ މާއްދާ - ގަވާއިދާ ހިލާފަށް ބަހުގެ ހިދުމަތް ދޭ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅު

(ހ) ދިވެހިރާއްޖޭގައި، އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމަށް ލައިސަންސް ނުވަތަ ހުއްދަ ނުނަގައި ބަހުގެ ހިދުމަތް ދިނުމަކީ ކުށެކެވެ. މިފަދަ ކުށެއް ކުރި ފަރާތެއްގެ އަދަބަކީ 2000 (ދެހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ފިޔަވައި، މި ގަވާއިދާ ހިލާފަށް ބަހުގެ ހިދުމަތް ދޭ ފަރާތްތަކުގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 500 (ފަސް ސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ 1000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން، ތިންވަނަ ފަހަރަށްނަމަ 1500 (އެއްހާސް ފަސް ސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި ތިން ފަހަރަށްވުރެ އިތުރަށް އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ، އެ ފަރާތެއްގެ ބަހުގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުވާނެއެވެ.

(ނ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނީ ފުލުހުން ނުވަތަ ކައުންސިލް އިދާރާތަކުން ނުވަތަ ސަރުކާރުން އެ ވަގުތަކު އެ ހިދުމަތް ފޯރުކޮށްދިނުމަށް ހަވާލުކުރާ ފަރާތްތަކުންނެވެ.

 

34 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

35 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހަދައިފައިވާ ގަވާއިދު ބާތިލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 1/2016 އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ ގަވާއިދު) ބާތިލުވީއެވެ.

 

36 ވަނަ މާއްދާ - މާނަ

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާހާ ހިނދަކު އެ އިބާރާތެއް ނުވަތަ ލަފުޒެއް މާނަކުރަންވާނީ ތިރީގައި މާނަކޮށްފައިވާ ގޮތަށެވެ.

(ހ) "މިނިސްޓްރީ" ބުނެފައި އެވަނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ހަމަޖެއްސުމަށް އެ ވަގުތަކު ސަރުކާރުން ހަމަޖައްސައިފައިވާ މިނިސްޓްރީއަކަށެވެ.

(ށ) "ހިދުމަތް ދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ހިދުމަތް ދިނުމުގެ މަސްއޫލިއްޔަތު ހަވާލުކުރާ ފަރާތަށެވެ.

(ނ) "ފަސިންޖަރުން" ކަމަށް ބުނެފައި އެވަނީ، ބަހުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށެވެ.

(ރ) "ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ،އެ ސަރަހައްދެއްގައި އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ ކަންކަން ބެލެހެއްޓުމަށް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތް ހަވާލުކުރާ ފަރާތަށެވެ.

(ބ) "ތަންފީޒުކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޓްރެފިކް ފުލުހުންނާއި، މި ގަވާއިދު ތަންފީޒުކުރުމަށް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތް ނުވަތަ ފަރާތްތަކަށެވެ.

(ޅ) "ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، އަތޮޅު ނުވަތަ ރަށް ނުވަތަ އަވަށަށެވެ.

(ކ) "ބަސް" ކަމަށް ބުނެފައި އެވަނީ، އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ޓަކައި އެއްގަމުގައި ދުއްވާ އުޅަނދު ރަޖިސްޓަރީ ކުރުމުގައި B0, B1 އާއި B2 ކެޓަގަރީގައި ރަޖިސްޓަރީ ކޮށްފައިވާ އެއްގަމުއުޅަނދަށެވެ.

(އ) "ބަސްހުއްޓި" ކަމަށް ބުނެފައި އެވަނީ، މީހުން އެރުވުމަށާއި ބޭލުމަށް ބަސް މަޑުކުރުމަށް ކަނޑައަޅައިފައިވާ ތަންތަނަށެވެ.

 

އުވާލެވުނު ގަވާއިދު

އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 1/2016)

 

މައި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 5/2009)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު