ސިވިލް ސަރވިސްގެ ގަވާއިދު 2014
(ގަވާއިދު ނަންބަރު 2014-311)
ޗެޕްޓަރ 1
އާންމު މާއްދާތައް
1 ވަނަ މާއްދާ - ތައާރަފު
(ހ) މި ގަވާއިދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ކަނޑައަޅައިފައިވާ، ސިވިލް ސަރވިސް ކޮމިށަނުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާ ކުރުމަށާއި، ގާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ތަންފީޒު ކުރުމަށާއި، އެ ގާނޫނުގައި ބަޔާން ކޮށްފައިވާ އާންމު މާއްދާތައް ތަފުސީލުކޮށް، އެ ގާނޫނުގެ މަގުސަދުތައް ހާސިލު ކުރެވޭނޭ އުސޫލަކުން ދިވެހި ސިވިލް ސަރވިސް ހިންގުމަށްޓަކައި ކޮންމެހެން ގާއިމުކޮށް އެކަށައަޅަންޖެހޭ އުސޫލުތަކާއި މިންގަނޑުތަކާއި ހަމަތައް އެކަށައަޅައި ބަޔާން ކުރުމަށްޓަކައި އެ ގާނޫނުގެ 18 ވަނަ މާއްދާގެ (ޅ) ގެ ދަށުން ބާރުލިބިގެން ސިވިލް ސަރވިސް ކޮމިށަނުން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014" އެވެ. މި ގަވާއިދަށް އަމަލު ކުރަން ފަށާނީ 1 ޑިސެންބަރު 2014 އިން ފެށިގެންނެވެ.
(ނ) މި ގަވާއިދަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން، ކުރިން އަމަލު ކުރަމުން ދިޔަ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 އާއި އެ ގަވާއިދުގެ އިސްލާހުތައް ބާތިލުވީއެވެ.
2 ވަނަ މާއްދާ - ގަވާއިދު ތަންފީޒު ކުރެވޭ ދާއިރާ
(ހ) މި ގަވާއިދު ހިންގާނީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މައްޗަށާއި ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި އެ އޮފީސްތަކުގެ ދަށުން ހިނގަމުންދާ ސިވިލް ސަރވިސްގެ އިދާރާތަކާއި، އަދި އެނޫންވެސް ސަރުކާރުން ނުވަތަ ގާނޫނަކުން ކަނޑައަޅައިފައިވާ ސިވިލް ސަރވިސްގެ އިދާރާތަކުގެ މައްޗަށެވެ. މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަންތައްތަކަށް ދިވެހި ސިވިލް ސަރވިސްގެ ހުރިހައި މުވައްޒަފުންނާއި އިދާރާއަކުން ވެސް އަމަލު ކުރަން ވާނެއެވެ. އަދި މި ގަވާއިދަށް ގެނެވެމުންދާ ބަދަލުތަކަށްވެސް، އެ ބަދަލެއް ގެނެވުމުން،އެ ބަދަލަކާ އެއްގޮތަށް ސިވިލް ސަރވިސްގެ ހުރިހައި މުވައްޒަފުންނާއި ސިވިލް ސަރވިސްގެ އިދާރާތަކުން އަމަލު ކުރަން ވާނެއެވެ.
(ށ) މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާން ކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދަށް އަމަލު ކުރަން ފެށުމުން، ކުރިން އަމަލު ކުރަމުން ދިޔަ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ ދަށުން އެއްވެސް މުވައްޒަފަކާމެދު ސިވިލް ސަރވިސް ކޮމިށަނުން ގަވާއިދު ތަންފީޒު ކުރުމުގެ ގޮތުން މުވައްޒަފަކާ މެދު އަޅައިފައިވާ ފިޔަވަޅެއް، ނުވަތަ ނިންމައިފައިވާ ނިންމުމެއް ނުވަތަ ފުރިހަމަ ކުރަންޖެހޭ ޒިންމާއެއް ނުވަތަ ލިބިދީފައިވާ ހައްގެއް ބާތިލެއް ނުވާނެއެވެ.
(ނ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި މި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފުނުވާ ގޮތުގެ މަތީން އެ އިދާރާއެއްގެ ހިދުމަތާގުޅޭ ގޮތުން އެކުލަވައިލަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލައި ހިންގުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
3 ވަނަ މާއްދާ - ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވުން
(ހ) މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާ ވެއްޖެނަމަ، ނުވަތަ ގަވާއިދުގައި ހިމެނިފައިވާ ކަމެއް މާނަ ކުރުމުގައި އޮޅުމެއް ނުވަތަ ހިޔާލު ތަފާތުވުމެއް އުފެދިއްޖެނަމަ، ގާނޫނުގައިވާ ގޮތުގެ މަތީން އެކަމެއް ނިންމާނީ ސިވިލް ސަރވިސް ކޮމިށަނުންނެވެ.
(ށ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގެ ދަށުން މި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފުނުވާ ގޮތުގެ މަތީން އެ އިދާރާއެއްގެ ހިދުމަތާގުޅޭ ގޮތުން އެކުލަވައިލާ ގަވާއިދުތަކާއި އުސޫލުތަކާމެދު މާނަ ކުރުމުގައި އޮޅުމެއް ނުވަތަ ހިޔާލު ތަފާތުވުމެއް އުފެދިއްޖެނަމަ، އެކަމެއް ނިންމާނީ އެ ގަވާއިދުތަކާއި އުސޫލުތައް ހިންގުމާ ހަވާލުވެ ހުންނަ ޒިންމާދާރު އިސްވެރިޔާއެވެ.
4 ވަނަ މާއްދާ - އިސްތިސްނާ ހާލަތު
ސިވިލް ސަރވިސްއަށް މުވައްޒަފުން އައްޔަން ކުރުމާއި، މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަމުގައި އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ، ނުވަތަ ސިވިލް ސަރވިސްގެ އެންމެހައި މުވައްޒަފުންގެ މަސްލަހަތަށް އަސަރުކޮށްފާނޭ ކަމަކާ ގުޅިގެން މުވައްޒަފުންގެ ހައްގުތައް ހިމާޔަތް ކުރުން ކޮންމެހެން ލާޒިމުކުރާ އިސްތިސްނާ ހާލަތްތަކުގައި މި ގަވާއިދާ ތައާރުޒު ވެދާނޭ ނިންމުމެއްދިވެހި ސިވިލް ސަރވިސްގެ ގާނޫނާ ނުވަތަ ރާއްޖޭގައި އަމަލު ކުރާ އެހެން ގާނޫނަކާ ހިލާފު ނުވާނޭ ގޮތެއްގެ މަތީން ނިންމުމާއި، އެފަދަ ފިޔަވަޅެއް އެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
5 ވަނަ މާއްދާ - މާނަ ކުރުން
މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހައި ހިނދަކު:
(ހ) "ކޮމިށަން" ކަމުގައި ބުނެފައި އެވަނީ ސިވިލް ސަރވިސް ކޮމިށަނަށެވެ.
(ށ) މި ގަވާއިދުގައި އިދާރާގެ އެންމެ އިސްވެރިޔާއަށް މުހާތަބު ކުރުމުގެ ބޭނުމުގައި "ޒިންމާދާރު އިސްވެރިޔާ" ކަމުގައި ބުނެފައި އެވަނީ ޕަރމަނަންޓް ސެކްރެޓަރީ، ޒިންމާދާރު އިސްވެރިޔާ އަދި ޒިންމާދާރު ވެރިޔާއަށެވެ.
(ނ) "މުވައްޒަފުން" ކަމުގައި ބުނެފައި ވަނީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށެވެ.
(ރ) "އިދާރާ" ކަމުގައި ބުނެފައި ވަނީ މަސްއޫލު އޮފީސްތަކާއި އެ އޮފީސްތަކުގެ ދަށުން ހިނގަމުންދާ ތަންތަނާއި ވަކި އިދާރާއެއްގެ ގޮތުގައި ހިންގަމުންދާ ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތް ކުރަމުންދާ އެންމެހައި ތަންތަނަށެވެ.
(ބ) "ސިވިލް ސަރވިސް" ކަމުގައި ބުނެފައި އެވަނީ ދިވެހި ސިވިލް ސަރވިސްއަށެވެ.
6 ވަނަ މާއްދާ - ދިވެހި ސިވިލް ސަރވިސް އެކުލެވިގެންވާ ގޮތް
ދިވެހި ސިވިލް ސަރވިސް އެކުލެވިގެން ވަނީ، ސަރުކާރުގެ މަސްއޫލު އޮފީސްތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިންނާއި، ޒިންމާދާރު ވެރިންނާއި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މައްޗަށެވެ.
7 ވަނަ މާއްދާ - ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ދައުރު
ދިވެހި ސިވިލް ސަރވިސްގައި ހިދުމަތްކުރާ މުވައްޒަފުންގެ ދައުރަކީ، ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު، ވަކި ފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތް ކުރުމެއްނެތި، ސަރުކާރުން އެކަށައަޅުއްވާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެ ދިނުމެވެ. އަދި އެންމެހައި ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ ތިބެ، ދައުލަތް ހިންގުމުގެ ހުރިހައި ބާރުތަކަށާއި، އާންމުންނަށް ޖަވާބުދާރީވެ އަދި، އެހިނދަކު ވެރިކަން ހިންގުމާ ހަވާލުވެ އޮތް ސަރުކާރެއްގެ ސިޔާސަތު އެކަށައެޅުމުގައާއި، އެ ސިޔާސަތުތަކަށް އަމަލީ ސިފަ ގެނައުމުގައި ސިވިލް ސަރވިސްގެ މުވައްޒަފުން އިހްލާސްތެރިކަމާއެކު އެހީތެރިވެދޭން ވާނެއެވެ. އަދި މިކަން ކަށަވަރު ކުރުމުގެ ގޮތުން، ގާނޫނުތަކާއި ގަވާއިދުތަކާ ތައާރުޒުނުވާނެ ގޮތަށް، ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ސިވިލް ސަރވިސްގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އިގުރާރެއްގައި ސޮއި ކުރުވުމުގެ އިހުތިޔާރު ޒިންމާދާރު އިސްވެރިޔާއަށް ލިބިގެންވެއެވެ.
8 ވަނަ މާއްދާ - ހިދުމަތް ކުރުމުގެ އުސޫލުތައް
ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުން ސަރުކާރަށް ހިދުމަތް ކުރުމުގައި އަމަލު ކުރަންވާނީ ތިރީގައި މިވާ އުސޫލުތަކުގެ މަތީންނެވެ.
(ހ) ކޮންމެ މުވައްޒަފެއްމެ އެ މުވައްޒަފެއް ވަޒީފާ އަދާ ކުރާ އިދާރާއެއްގެ އެންމެ އިސްފަރާތްތަކަށާއި (ސިޔާސީ ގޮތުން އައްޔަން ކުރެވޭ ފަރާތްތަކާއި އިންތިހާބު ކުރެވޭ ކައުންސިލްތައް ހިމެނޭގޮތަށް)، އެ އިދާރާއެއްގައި ދިވެހި ސިވިލް ސަރވިސް ތަމްސީލު ކުރާ އެންމެ އިސް ވެރިޔާއަށާއި، އެ މުވައްޒަފަކު ރިޕޯޓު ކުރަންޖެހޭ ފަރާތްތަކަށް ޖަވާބުދާރީ ވާން ވާނެއެވެ.
(ށ) ކޮންމެ މުވައްޒަފެއްމެ އެ މުވައްޒަފާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރުމުގައި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކަށް އަދި ދިވެހިރާއްޖެ ބައިވެރިވާ، އަދި ދިވެހިރާއްޖެއިން އަމަލު ކުރަންޖެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި، އެއްބަސްވުންތަކަށް ހުރުމަތްތެރިކޮށް ހިތަން ވާނެއެވެ.
(ނ) ކޮންމެ މުވައްޒަފެއްމެ ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްއަށާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަން ވާނެއެވެ. އަދި މި ގަވާއިދުގެ2 ވަނަ މާއްދާގެ (ނ) ގެ ދަށުން މި ގަވާއިދު އަދި ކޯޑް އޮފް ކޮންޑަކްޓްއާ ހިލާފުނުވާ ގޮތުގެ މަތީން އެ އިދާރާއެއްގެ ހިދުމަތާގުޅޭ ގޮތުން އެކުލަވައިލާ ގަވާއިދުތަކާއި އުސޫލުތަކަށާއި އަމަލު ކުރަމުންދާ އާންމު އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތަން ވާނެއެވެ.
(ރ) ކޮންމެ މުވައްޒަފެއްމެ އެ މުވައްޒަފަކާ ހަވާލުވެފައިވާ ކަންކަމަށް ފުރިހަމައަށް މަސްއޫލުވެ ޒިންމާ އުފުލަން ވާނެއެވެ. އަދި އެ މުވައްޒަފެއްގެ ފަރުވާ ކުޑަވުމުގެ ސަބަބުން ނުވަތަ އިހުމާލުން ކަމަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުމެއްގެ ޒިންމާ އެ މުވައްޒަފެއް އުފުލަން ވާނެއެވެ.
(ބ) ކޮންމެ މުވައްޒަފެއްމެ އެ މުވައްޒަފަކާ ހަވާލު ވެފައިވާ ކަންތައްތައް އެ ކަމެއް ނިންމުމަށް ކަނޑައެޅޭ ފެންވަރަށް، މިންވަރަށް އަދި ވަގުތަށް ފުރިހަމައަށް ނިންމަން ވާނެއެވެ. އަދި އެ މުވައްޒަފެއްގެ ފަރުވާ ކުޑަވުމުގެ ސަބަބުން ނުވަތަ އިހުމާލުން އެކަންތައްތައް ނުނިންމުނު ނަމަ އެކަމުގެ ޒިންމާ އެ މުވައްޒަފެއް އުފުލަން ވާނެއެވެ.
(ޅ) ކޮންމެ މުވައްޒަފެއްމެ އެ ދުވަހެއްގެ މަސައްކަތް އެ ދުވަހަކު ނިންމަން ވާނެއެވެ. އެ ދުވަހެއްގެ މަސައްކަތް އެ ދުވަހަކު ނުނިންމައި ލަސްކުރެވޭނީ، އެ މަސައްކަތެއް ނިންމުމަށްޓަކައި ބޭނުންވާ ކަމެއް އެ ދުވަހަކު ވާން ނެތްކަމަށް އެ މުވައްޒަފެއްގެ ސުޕަވައިޒަރު ކަނޑައެޅުމުން ނުވަތަ އެ ކަމެއް ލަސް ކުރުމަށް އެ މުވައްޒަފެއްގެ ސުޕަވައިޒަރު ހުއްދަ ދީގެންނެވެ. މިނޫން ހާލަތެއްގައި އެ ދުވަހެއްގެ މަސައްކަތްއެ ދުވަހަކު ނުނިންމުމުގެ ޒިންމާ އެ މުވައްޒަފެއް އުފުލަން ވާނެއެވެ.
(ކ) ކޮންމެ މުވައްޒަފެއްމެ އެ މުވައްޒަފެއްގެ މަސައްކަތު ވަގުތު ހޭދަ ކުރަން ވާނީ، އެ މުވައްޒަފަކާ ހަވާލުވެފައިވާ މަސައްކަތުގައެވެ. އެ ނޫން ކަމެއް ކުރަންވާނީ،އެ މުވައްޒަފެއްގެ ސުޕަވައިޒަރުގެ އިރުށާދުގެ ދަށުން ނުވަތަ މުވައްޒަފެއްގެ މަސައްކަތަކާ ހަވާލު ވެފައިވާ ވެރިއެއްގެ ހުއްދައާ އެކުގައެވެ.
(އ) ކޮންމެ މުވައްޒަފަކީވެސް، އެ މުވައްޒަފެއްގެ މަސައްކަތަށް އިރުށާދާއި ލަފާ ދީ އެހީތެރިވެ ދީ ހަދާ ސުޕަވައިޒަރެއް ހުންނާނެ މުވައްޒަފެކެވެ. މުވައްޒަފުންގެ ސުޕަވައިޒަރުންއެ މީހުންގެ ބެލުމުގެ ދަށުގައި ތިބޭ މުވައްޒަފުންގެ މަސައްކަތާއި މަސައްކަތުގެ އަހުލާގު ފުރިހަމައަށް ސުޕަވައިޒް ކުރަން ވާނެއެވެ. އަދި އެ ސުޕަވައިޒް ކުރުމުގެ މަސައްކަތަށް ފުރިހަމައަށް މަސްއޫލުވެ ޒިންމާ އުފުލަން ވާނެއެވެ.
9 ވަނަ މާއްދާ - ގާނޫނާއި ގަވާއިދާ ހިލާފު ކަންތައްތައް ރިޕޯޓު ކުރުން
(ހ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއް ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓްއާ ހިލާފުކަމެއް ކުރާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އެ އޮފީހެއްގެ ޕަރމަނަންޓް ސެކްރެޓަރީއަށް ނުވަތަ ޒިންމާދާރު އިސްވެރިޔާއަށް އެކަމެއް އަންގަން ވާނެއެވެ. މިގޮތުން މިފަދަ މައްސަލައެއް ނުވަތަ ށަކުވާއެއް ހުށަހަޅާނެ ގޮތާއި، އެ ށަކުވާއެއް ނުވަތަ އެ މައްސަލައެއް ބަލައި ފިޔަވަޅުއަޅާނެ ގޮތުގެ އިންތިޒާމު، ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ އެ އޮފީހެއްގައި ގާއިމުކޮށް، އެކަން މުވައްޒަފުންނަށް ލިޔުމުން އަންގާފައި އޮންނަން ވާނެއެވެ. އަދި މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގެ ދަށުން މި ގަވާއިދު އަދި ކޯޑް އޮފް ކޮންޑަކްޓާ ހިލާފުނުވާ ގޮތުގެ މަތީން އެ އިދާރާއެއްގެ ހިދުމަތާގުޅޭ ގޮތުން އެކުލަވައިލާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފުކަމެއް ކުރާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތު ކުރެވުމުންނާއި ށަކުވާ ނުވަތަ މައްސަލަ ހުށަހެޅުމާއި ބަލައި ފިޔަވަޅު އަޅާނެ އިންތިޒާމުވެސް ހަމަޖެހިފައި އޮންނަންވާނީ މި އުސޫލުންނެވެ.
(ށ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދާ އަދި ކޯޑް އޮފް ކޮންޑަކްޓް ފިޔަވައި ދިވެހިރާއްޖޭގައި އަމަލު ކުރާ އެހެން ގާނޫނަކާ ނުވަތަ ގަވާއިދަކާ ހިލާފަށް އެއްވެސް މުވައްޒަފެއް ކަމެއް ކުރާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ، އެކަމެއް ބެލުމުގެ އިހުތިސާސް އޮތް ފަރާތަކަށް ހުށަހެޅުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
10 ވަނަ މާއްދާ - އިލްތިމާސް ކުރުން
(ހ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދު ތަންފީޒު ކުރުމުގައި، އެ މުވައްޒަފެއް ވަޒީފާ އަދާ ކުރާ އޮފީހުން ނުވަތަ އެ އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ އަމަލު ކޮށްފައި ވަނީ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި މި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފަށް ކަމަށް އެ މުވައްޒަފެއް ދެކޭ ނަމަ ނުވަތަ އެ މުވައްޒަފާ މެދު އަމަލު ކުރެވިފައި ވަނީ، ބޭއިންސާފުން ކަމަށް އެ މުވައްޒަފެއް ދެކޭ ނަމަ، އެކަން ސިވިލް ސަރވިސް ކޮމިށަނަށް ހުށަހަޅައި އިލްތިމާސް ކުރުމުގެ ހައްގު ކޮންމެ މުވައްޒަފަކަށްމެ ލިބިގެން ވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނަށް ހުށަހަޅާ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނީ މި ގަވާއިދުގެ 28 ވަނަ ޗެޕްޓަރުގައިވާ ގޮތުގެ މަތީންނެވެ.
11 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުން
މި ގަވާއިދުގެ 10 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން ކޮމިށަނުން ނިންމާ ނިންމުމަކާ މެދު މުވައްޒަފެއް ހިތްހަމަ ނުޖެހޭނަމަ، އެ މައްސަލައެއް ވަޒީފާއާބެހޭ ޓްރިބިއުނަލަށް ނުވަތަ ށަރުއީ ކޯޓަކަށް ހުށަހެޅުމުގެ ހައްގު ދިވެހި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކަށްމެ ލިބިގެންވެއެވެ.
12 ވަނަ މާއްދާ - މުވައްޒަފުންގެ ކަންތައްތައް ހިންގައި ބެލެހެއްޓުން
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނާ ބެހޭ ގަވާއިދުތައް ތަންފީޒުކޮށް ބެލެހެއްޓުމަކީ، މަސްއޫލު އޮފީހެއްގައި ނަމަ ޕަރމަނަންޓް ސެކްރެޓަރީ އަދި އެނޫން އިދާރާއެއްގައި ނަމަ ޒިންމާދާރު އިސްވެރިޔާގެ އަސްލީ މަސްއޫލިއްޔަތެކެވެ. މިގޮތުން މުވައްޒަފުންގެ ކަންތައްތައް ހިންގައި ބެލެހެއްޓުމުގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނާ ބެހޭގޮތުން ސިވިލް ސަރވިސް ކޮމިށަނުން ނެރޭ ގަވާއިދުތަކާއި އުސޫލުތައް މުވައްޒަފުންނަށް އަންގައި، އެ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒު ކުރުން.
(ށ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގެ ދަށުން މި ގަވާއިދު އަދި ކޯޑް އޮފް ކޮންޑަކްޓާ ހިލާފުނުވާ ގޮތުގެ މަތީން އެ އިދާރާއެއްގެ ހިދުމަތާގުޅޭ ގޮތުން އެކުލަވައިލާ ގަވާއިދުތަކާއި އުސޫލުތައް މުވައްޒަފުންނަށް އަންގައި، އެ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒު ކުރުން.
(ނ) އޮފީހުގެ މަގާމުތަކުގެ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާން އެކުލަވައިލުމާއި، ކޮންމެ މުވައްޒަފަކަށް ވެސް، އެ މުވައްޒަފެއްގެ ޒިންމާތައް އެނގޭނޭހެން އެ މުވައްޒަފެއްގެ މަސައްކަތް ހަވާލު ކުރުމާއި އެ ކަމާ ބެހޭ ރިކޯޑުާއި ލިޔެކިއުންތައް ބެލެހެއްޓުން.
(ރ) ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމާއި އެހެނިހެން ގޮތްގޮތުން ދޭން ހަމަޖެހޭ ހިދުމަތްތައް ދިނުން.
(ބ) އޮފީހަށް ލިބިފައިވާ ބަޖެޓު ތަންދިން މިންވަރަކުން މުވައްޒަފުން މަސައްކަތް ކުރުމަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް އެކަށީގެންވާ ގޮތަކަށް ހަމަޖައްސައިދިނުން.
(ޅ) ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތް ކުރާގޮތް ބެލުމާއި، ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންނަށް ހިތްވަރު ދިނުމާއި، މަސައްކަތުގައި އިތުރު އެހީއަށް ބޭނުންވާ މުވައްޒަފުންނަށް އެހީތެރިވެ ދިނުމާއި، މުވައްޒަފުގެ މައުލޫމާތާއި ހުނަރު އިތުރުކޮށް ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމާއި ފަރުވާކުޑަކުރާ އަދި ގާނޫނުތަކާއި، ގަވާއިދުތަކާއި، އޮފީހުގައި އަމަލު ކުރާ އުސޫލުތަކާ ހިލާފަށް އަމަލުތައް ބަހައްޓާ މުވައްޒަފުންނާމެދު އެކަށީގެންވާ އަވަސް މިނެއްގައި އިސްލާހީ ފިޔަވަޅު އެޅުން.
(ކ) ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އުފެއްދުމާއި، ގުޅުން ބަދަހި ކުރުމާއި، މަސްލަހަތު ގާއިމު ކުރުން.
(އ) ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރޭގައި، ކަމަށް ކަމޭހިތުމާއި ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމާއި، އިހުލާސްތެރިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ދުވަހުން ދުވަހަށް މަސައްކަތް ނިންމުންފަދަ ސިފަތައް އަށަގަންނުވައި، ކުރިއަރުވައި، މަސައްކަތުގެ އަހުލާގު ހަރުދަނާ ކުރުން.
13 ވަނަ މާއްދާ - އިދާރާ ހުޅުވައި ލެއްޕުން
ކޮންމެ އިދާރާއެއްވެސް ހުޅުވައި ލައްޕަން ވާނީ، އެކަމަށް ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުންނެވެ. ނުވަތަ އެ އިދާރާއަކުން އެކަމަށް ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.
14 ވަނަ މާއްދާ - މަސައްކަތުގެ ދާއިރާގައި ހިފަހައްޓަންޖެހޭ ސިއްހީ މިންގަނޑުތަކާއި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް
(ހ) މަސައްކަތުގައި އުޅެނިކޮށް ލިބިދާނެ ގެއްލުމަކުން ނުވަތަ ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާއަކުން މުވައްޒަފުން ސަލާމަތް ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގެ މަތީން އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ، އޮފީހުގެ މަސްއޫލިއްޔަތެކެވެ.
(ށ) އެ ތަނެއްގައިކުރާ މަސައްކަތާ ގުޅޭ ގޮތުން މުވައްޒަފުން ނުރައްކަލުން ސަލާމަތް ކުރުމަށް ބޭނުންވާ އާލާތާއި ތަކެތި، މަސައްކަތްކުރާއިރު ބޭނުން ކުރުމަށް މުވައްޒަފުންނަށް ދޫކުރަން ވާނެއެވެ. އަދި މުވައްޒަފުވެސް ނުރައްކަލުން ސަލާމަތްވެ ތިބެ މަސައްކަތް ކުރުމަށް ބޭނުންވާ އާލާތާއި ތަކެތި ލިބިގަންނަން ވާނެއެވެ.
(ނ) ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި މަސައްކަތުގައި އުޅެނިކޮށް މުވައްޒަފަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެ މީހަކު ލައްވައި މަސައްކަތް ކުރުވުމާ ހަވާލުވެހުރި އިސްމީހާ، ލަސްނުކޮށް އެކަން އޮފީހުގެ ކަމާބެހޭ ވެރިޔަކަށް އަންގައިއެ މީހަކަށް ފަރުވާ ދިނުމަށް ލަސްނުކޮށް ފިޔަވަޅު އަޅަން ވާނެއެވެ. އޮފީހުގެ މަސައްކަތުގައި އުޅެނިކޮށް އެ މަސައްކަތުގެ ތެރެއިން މުވައްޒަފެއްގެ ޖާނަށް ނުވަތަ ސިއްހަތަށް ލިބޭ ގެއްލުމަކަށް ބޭނުންވާ ފަރުވާ މި ގަވާއިދުގައިވާ ގޮތުގެ މަތީން ހޯދައި ދިނުމަކީއެ އިދާރާއެއްގެ ޒިންމާއެކެވެ.
15 ވަނަ މާއްދާ - ރަސްމީގަޑީގައި އަމިއްލަ މަސައްކަތް ނުކުރުން
ސިވިލް ސަރވިސްގެ އެއްވެސް މުވައްޒަފެއް، އެ މުވައްޒަފެއްގެ ރަސްމީގަޑީގައި ވަޒީފާގެ މަސްއޫލިއްޔަތުން ބޭރު އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އަދި ކުރުވައިގެންވެސް ނުވާނެއެވެ.
ޗެޕްޓަރ 2
ކޯޑް އޮފް ކޮންޑަކްޓް
16 ވަނަ މާއްދާ - ތައާރަފު
(ހ) މި ކޯޑް އޮފް ކޮންޑަކްޓްގެ މައިގަނޑު މަގްސަދަކީ، ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ އެންމެހައި މުވައްޒަފުންނަކީ، ދިވެހި ރައްޔިތުންނަށާއި ހިދުމަތް ލިބިގަންނަން އަންނަ ކޮންމެ ފަރާތަކަށް ހިތްހަމަޖެހޭ، ރަނގަޅު ފެންވަރެއްގެ ހިދުމަތެއްދޭ މުވައްޒަފުންތަކަކަށް ހެދުމަށްޓަކައި، އެ މުވައްޒަފުންގެ މަސައްކަތުގައާއި އުޅުމާއި ގުޅުމުގައި ހެޔޮ މަސައްކަތު އަހްލާގާއި ހަރުދަނާ ސުލޫކު ހިފަހައްޓާ ނަމޫނާ ބަޔަކަށް ހެދުމެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ސިވިލް ސަރވިސްގެ ހިދުމަތަށް ހެޔޮބަދަލު އައުމާއި، އެ ހިދުމަތަކީ މަގުބޫލު، ފެންވަރު މަތި، ހިދުމަތަކަށް ވެގެން ދިއުމެވެ.
(ށ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގެ ދަށުން މި ގަވާއިދު އަދި ކޯޑް އޮފް ކޮންޑަކްޓްއާ ހިލާފުނުވާ ގޮތުގެ މަތީން އެ އިދާރާއެއްގެ ހިދުމަތާގުޅޭ ގޮތުން ވަކި ކޯޑް އޮފް ކޮންޑަކްޓެއް އެކުލަވައިލައި ހިންގުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
17 ވަނަ މާއްދާ - އަމަލު ކުރުމާއި ފިޔަވަޅުއެޅުން
ދިވެހި ސިވިލް ސަރވިސްގެ ހުރިހައި މުވައްޒަފުންވެސް މި ކޯޑް އޮފް ކޮންޑަކްޓަށް އަމަލު ކުރަން ވާނެއެވެ. ސިވިލް ސަރވިސްގެ އެއްވެސް މުވައްޒަފެއް މި ކޯޑް އޮފް ކޮންޑަކްޓްއާ ހިލާފުވެއްޖެނަމަ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތީން އެ މުވައްޒަފާމެދު ފިޔަވަޅު އަޅަން ވާނެއެވެ.
18 ވަނަ މާއްދާ - އަޒުމް
ދިވެހި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފެއްމެ މަސައްކަތް ކުރަންވާނީ، އެ މުވައްޒަފެއް މަސައްކަތް ކުރާތަނެއްގެ މަގްސަދާއި ލަނޑުދަނޑިތައް ހާސިލު ކުރުމުގައި ބައިވެރިވާ ބައިވެރިއެއްގެ ގޮތުންނާއި، ތިމާގެ ގާބިލުކަން މަތި ކުރުމަށާއި މަސައްކަތުގައި ކުރިއެރުމަށާއި، ދިވެހި ސިވިލް ސަރވިސްއަކީ ފެންވަރު މަތި މަގުބޫލު ހިދުމަތަކަށް ހަދައި ގައުމުގެ މުސްތަގުބަލު އުޖާލާ ކުރުމުގެ ވަރުގަދަ އަޒުމުގައެވެ.
19 ވަނަ މާއްދާ - ގާނޫނު ހަދާފަރާތާއި ދައުލަތް ހިންގާ ފަރާތާ ދެމެދު އޮންނަ ގުޅުން
ދިވެހި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފެއްމެ:
(ހ) އެ މުވައްޒަފެއް ދުވަހުން ދުވަހަށް އަދާ ކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށާއި ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަން ވާނެއެވެ.
(ށ) އެ މުވައްޒަފު ދުވަހުން ދުވަހަށް އަދާ ކުރަންޖެހޭ ވާޖިބުތައް އަދާ ކުރުމުގައި އަބަދުމެ ކުރިއަށްނެރެ އިސްކަންދޭންވާނީ ގައުމީ މަސްއޫލިއްޔަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށެވެ.
(ނ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި އެ ވަގުތަކު ސަރުކާރު ހިންގުމާ ހަވާލުވެތިބި ފަރާތްތަކުން އެކުލަވައިލާ ސަރުކާރުގެ ސިޔާސަތުތައް ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ތަންފީޒު ކުރަން ވާނެއެވެ.
(ރ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި ހުރިހައި ސިޔާސީ ތައައްސުބުން އެއްކިބާވާން ޖެހޭނެއެވެ.
(ބ) އެ މުވައްޒަފެއްގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ދާއިރާ އާ ގުޅޭ ގޮތުން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެ ފަރިތަވުމަށް މަސައްކަތް ކުރަން ވާނެއެވެ.
(ޅ) އެ މުވައްޒަފެއް، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ކުރުމުގައި، ގާނޫނުއަސާސީ އާއި ގާނޫނުތަކުން އުފައްދާފައިވާ އެންމެހައި މުއައްސަސާތަކަށް އެއްބާރުލުން ދޭން ވާނެއެވެ.
20 ވަނަ މާއްދާ - އާންމު ރައްޔިތުންނާމެދު އޮންނަ ގުޅުން
ދިވެހި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފެއްމެ:
(ހ9 އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރަން ވާނެއެވެ.
(ށ) ވަކިފަރާތަކަށް ޖެހުމެއްނެތި، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދޭނެ ގޮތަކަށް ރައްޔިތުންނަށް ހިދުމަތް ދޭން ވާނެއެވެ.
(ނ) ރައްޔިތުންނާ މުއާމަލާތު ކުރުމުގައި އަދަބުވެރިކަމާއި މަޑުމައިތިރިކަމާއި އިހުތިރާމާއެކު މުއާމަލާތުކޮށް އަދި ފަސޭހައިން ބައްދަލުކުރެވޭނޭ އުސޫލެއް ގެންގުޅެން ވާނެއެވެ.
(ރ) ރައްޔިތުންނާ މުއާމަލާތު ކުރާ ކުރުމުގައި އަބަދުމެ ދެކެންވާނީ ރައްޔިތުންނަކީ ހިދުމަތް ލިބުމުގައި މަތީފެންވަރެއްގެ ހިދުމަތެއް ލިބިގަތުމުގެ ހައްގު ލިބިގެންވާ ބަޔަކުކަމުގައެވެ.
(ބ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތުއަދާ ކުރުމުގައާއި ރައްޔިތުންނަށް އެކަމުން އަސަރުކުރާނޭ ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ އެކިއެކި ހާލަތުތަކަށާއި ރައްޔިތުން ކަންބޮޑުވާނޭ ކަންކަމަށް ވިސްނުން ބަހައްޓައި އަދި އެކަންކަމަށް ރިއާޔަތް ކުރަންޖެހޭ ހާލަތުތަކުގައި ރިއާޔަތް ކުރަން ވާނެއެވެ.
(ޅ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި ދިވެހި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް މަސައްކަތް ކުރުމުގެ އަޒުމުގައި މަސައްކަތްކުރާ މުވައްޒަފަކަށް ވާން ވާނެއެވެ.
(ކ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި އެއްވެސް ރައްޔިތެއްގެ ކުލައަކަށް، ޖިންސަކަށް، ނަސްލަކަށް، ވާހަކަދައްކާ ބަހަކަށް އިޖްތިމާއީ ދަރަޖައަކަށް ނުވަތަ މަގާމަކަށް، ނުކުޅެދުންތެރި ކަމަކަށް، ސިޔާސީ ގޮތުން ތާއީދުކުރާ ފަރާތަކަށް ބަލައި އެއްވެސް މޭރުމަކުން ތަފާތެއް ކޮށްގެން ނުވާނެއެވެ.
(އ) އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއްގެ މަންފާއާއި ލާބައަށްޓަކައި، ނުވަތަ އެފަދަ ފަރާތެއްގެ މަސްލަހަތު ކުރިއެރުވުމަށްޓަކައި، އެ މުވައްޒަފެއްގެ މަގާމުގެ ބޭނުން ހިފައިގެން ނުވާނެއެވެ.
(މ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި ކޮންމެ ރައްޔިތެއްގެ އިއްޒަތަށާއި ކަރާމާތަށާއި އެރައްޔިތަކަށް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަން ވާނެއެވެ.
(މ) ހިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކަށް އެހިދުމަތް ހޯދުމަށް ފަސޭހަވާނޭ ކޮންމެ މައުލޫމާތެއް، ގާނޫނުންނާއި ގަވާއިދުން އެ މައުލޫމާތެއް ހިމާޔަތް ކޮށްފައި ނުވާހައި ހިނދަކު، އެ ފަރާތަކަށް ލިބިދޭން ވާނެއެވެ. އަދި ހިދުމަތް ހޯދުން ފަސޭހަ ކޮށްދިނުމުގެ ގޮތުން އެފަދަ މައުލޫމާތު އަންގައި އޮޅުން ފިލުވައި ދޭން ވާނެއެވެ. މި ގޮތަށް މައުލޫމާތު ދިނުމުގައި އަނެކުންގެ ހައްގުތަކަށް ރައްކާތެރިވާން ވާނެއެވެ.
21 ވަނަ މާއްދާ - މުވައްޒަފުންގެ މެދުގައި އޮންނަންވާނޭ ގުޅުން
ދިވެހި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފެއްމެ:
(ހ) އާންމު މަސްލަހަތާއި ރައްޔިތުންގެ ފައިދާ ކުރިއެރުވުމަށްޓަކައި އެއް މުވައްޒަފެއް އަނެއް މުވައްޒަފަށް އެއްބާރުލުން ދޭން ވާނެއެވެ.
(ށ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި އެ މުވައްޒަފަކަށް އެކިއެކި އެންގުން އަންގައި އިރުށާދު ދިނުމަށް އައްޔަން ކުރެވިފައިތިބޭ ފަރާތްތަކުން) ސިޔާސީ ގޮތުން އައްޔަން ކުރެވޭ ފަރާތްތަކާއި އިންތިހާބުކުރެވޭ ކައުންސިލްތައްވެސް ހިމެނޭގޮތަށް (އަންގާއެންގުންތައް، ގާނޫނުއަސާސީ އާއި ގާނޫނާއި ގަވާއިދާ ހިލާފު ނުވާނަމަ، އެ ކަންކަމަށް އަމަލު ކުރަން ޖެހޭނެއެވެ.
(ނ) އެ މުވައްޒަފެއް އަދާ ކުރާ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ކުރުމުގައި ކުރާ ކަންކަމާއި، ހިންގާ ހަރަކާތްތަކުގައި ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ފަހިވާގޮތަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
(ރ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތުއަދާ ކުރުމުގައި އެ މުވައްޒަފެއްގެ މަގާމުގެ ބޭނުންކޮށް އެހެން މުވައްޒަފުންގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ނުވާނެއެވެ. އަދި އެ މުވައްޒަފުގެ ބޭނުން ނާޖާއިޒު ގޮތުގައި އެހެން މުވައްޒަފަށް ހިފިޔަ ދީގެންވެސް ނުވާނެއެވެ.
(ބ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތުއަދާ ކުރުމުގައި، އަދި އެ މުވައްޒަފެއްގެ މަސައްކަތުގެ ދާއިރާގައި ހިނގާ ކަންކަމާ ގުޅޭ ގޮތުން އެއްވެސް ހިތްހަމަނުޖެހުމެއް ކުރިމަތި ވެއްޖެނަމަ، އެކަމެއް ހައްލު ކުރަންވާނީ އެކަން ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތީންނެވެ. އަދި އެ ހިތްހަމަނުޖެހުމެއް ފާޅު ކުރަންވާނީވެސް އެކަމަކަށް ކަނޑައެޅިފައިވާ އުސޫލުންނެވެ.
(ޅ) އެ މުވައްޒަފާއެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކުރިއެރުމަށާއި، މަސައްކަތުގެ ރޫހު ހިފެހެއްޓުމަށާއި، މުވައްޒަފުންގެ މެދުގައި ހަރުދަނާ އަދި އެކުވެރި މާހައުލެއް ގާއިމު ކުރުމުގެ އަޒުމު ކަނޑައަޅައި މަސައްކަތް ކުރަން ވާނެއެވެ.
(ކ) އެހެން މުވައްޒަފުންނާއެކު މުއާމަލާތް ކުރަންވާނީ އެ މުވައްޒަފެއްގެ ކުލައަށް، ޖިންސަށް، ނަސްލަށް، އިޖްތިމާއީ ދަރަޖައަށް ނުވަތަ މަގާމަށް، ވާހަކަދައްކާ ބަހަށް، ނުކުޅެދުންތެރިކަމަކަށް، ނުވަތަ ސިޔާސީ ގޮތުން ގަބޫލުކުރާ ގަބޫލު ކުރުމަކަށް، ނިސްބަތް ކުރުމަކަށް އެއްވެސް ތަފާތު ކުރުމެއްނެތި، ހަމަހަމަ ކަމާއި، އިންސާފުވެރިކަމާއި އެކު ފަންނީ ގޮތުގައެވެ.
(އ) ވަޒީފާ އަދާ ކުރަންވާނީ ސިޔާސީ ނުފޫޒުން އެއްކިބާވެހުރެއެވެ. އަދި އެ މުވައްޒަފުގެ މަސައްކަތުގެ މާހައުލުގަ އާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި ސިޔާސީގޮތުން ވަކިފަރާތަކަށް ޖެހިގެން ނުވާނެއެވެ.
22 ވަނަ މާއްދާ - ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމާގުޅޭ
ދިވެހި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފެއްމެ:
(ހ) އެ މުވައްޒަފެއް ވަޒީފާ އަދާ ކުރާ އޮފީހުގެ މަގުސަދުތަކާއި އަމާޒުތައް ހާސިލު ކުރުމުގައި، ހަރަދުކުޑަކޮށް، ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ފައިދާވާނޭ އުސޫލުތަކުން، އެ މުވައްޒަފެއް ވަޒީފާ އަދާ ކުރާ އޮފީހުގެ މަގުސަދުތަކާއި އަމާޒުތަކާއި ލަނޑުދަނޑިތައް ހާސިލު ކުރުމަށް ގަދައަޅައި މަސައްކަތް ކުރަން ވާނެއެވެ.
(ށ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި އުފެއްދުންތެރި ވިސްނުމާއި ފިކުރު ގެންގުޅެ، މަސައްކަތުގެ ދާއިރާގައި ދިމާވާ ކަންކަން ހައްލު ކުރުމުގައި އައު
(ނ) ގޮތްތައް ހޯދައި ނަތީޖާ ރަނގަޅު ކުރުމަށް އަބަދުވެސް މަސައްކަތް ކުރަން ވާނެއެވެ.އެ މުވައްޒަފަކާ ހަވާލުކުރެވޭ ކަންކަން އެކަމެއް ނިންމަންޖެހޭ މިންވަރަށް، ފެންވަރަށް އަދި ކަނޑައަޅާ މުއްދަތަށް ނިންމަން ވާނެއެވެ.
(ރ) އެ މުވައްޒަފަކާ ހަވާލުކުރެވޭ ކަންކަން ކުރާންވާނީ ޕްރޮފެށަނަލް ކަމާއެކު ކަމަށް ކަމޭ ހިތައިގެންނެވެ.
(ބ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި ތިމާގެ ނުވަތަ އެހެންފަރާތެއްގެ މަސްލަހަތަށް ބުރަވެގެން ފުށުއަރާ އެއްވެސް ކަމެއް ކޮށްގެންނު ވާނެއެވެ.
(ޅ) ނާޖާއިޒު ފައިދާއެއް ތިމާއަށް ލިބިދާނޭ ވަޒީފާގެ ރަސްމީ އެއްވެސް މަސައްކަތެއް ކުރުމުންނާއި، ނިންމުންތައް ނިންމުމުގެ މަރުހަލާތަކުން ތިމާ އަމިއްލައަށް ތަނާޒިލްވެ، އެފަދަ އަމިއްލަ ފައިދާއެއް ހިމެނޭކަމެއް ނުވަތަ ތިމާގެ މަސްލަހަތާ ފުށުއަރާ އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ އެކަމެއް ވަންހަނާ ނުކޮށް އެކަމެއް ކަމާބެހޭ ފަރާތްތަކަށް ފާޅުކޮށް އަންގަން ވާނެއެވެ.
(ކ) ވަޒީފާ އަދާ ކުރުމާ ގުޅޭ ގޮތުން ތިމާގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށާއި ވަޒީފާ ފުރިހަމަގޮތުގައި އަދާ ކުރުމަށް ބޭނުންވާނޭ އިތުރު މައުލޫމާތާއި ހުނަރުތައް އުނގެނުމަށްޓަކައި މަސައްކަތްކޮށް އެކަމަށް ފުރުސަތު ހޯދަން ވާނެއެވެ.
(އ) ދައުލަތުގެ ފައިސާއާ ގުޅޭކަންކަމުގައާއި ސަރުކާރުގެ މުދަލާބެހޭގޮތުން އެކިއެކި މުއާމަލާތު ކުރުމުގައާއި، ދައުލަތުގެ މުދަލާއި ހަވާލުވެ ގެންގުޅުމުގައާއި ދައުލަތުގެ އެހެނިހެން ވަސީލަތްތައް ބޭނުން ކުރުމުގައި އަމާނާތްތެރިވެ ޖަވާބުދާރީ ވާން ވާނެއެވެ.
(ވ) ދައުލަތުގެ ފައިސާއާއި މުދަލާއި އެހެނިހެން ވަސީލަތްތައް ބޭނުން ކުރަންވާނީ ގާނޫނާއި ގަވާއިދުގައި އެކަމަށް ކަނޑައެޅިފައިވާ އަދި އެކަމަށް ހުއްދަކުރެވިފައިވާ މަސައްކަތަށެވެ.
(މ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި ހަރުދަނާ، ނަތީޖާ ހާސިލު ކުރެވޭ، ހާމަ އަދި ޖަވާބުދާރީވުމުގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ އުސޫލަކުން ކަން ހިންގުމަށް ބާރު އަޅަން ވާނެއެވެ.
(ފ) އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި ފެންނަ ކޮރަޕްށަންގެ އަމަލުތަކާއި، މަކަރާއި ހީލަތް ހެދުމުގެ އަމަލުތަކާއި، ހިޔާނާތުގެ އަމަލުތަކާއި، ގާތްތިމާގެ މީހުންނާ ރައްޓެހިންނަށް އިސްކަންދިނުމުގެ އަމަލުތަކާއި، އިދާރީ ހިންގުމަށް ބުރޫއަރާނެ އަމަލުތަކާއި މިނޫންވެސް ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރަން ވާނެއެވެ.
(ދ) ތިމާކުރެން ލަފައަކަށް ނުވަތަ މަށްވަރާއަކަށް އެދިއްޖެނަމަ ވަކި ފަރާތަކަށް ބުރަނުވެ ތެދުވެރިކަމާއެކު ލަފަޔާއި މަށްވަރާދީ، ތެދުވެރިކަމާއެކު އެއްވެސް ގޮތަކުން ވަންހަނާ ނުކޮށް ލިބިހުރި އެންމެހައި މައުލޫމާތުދީ، އެހީތެރިކަން ފޯރުކޮށް ދޭން ވާނެއެވެ.
(ތ) ދައުލަތުގެ ސިއްރު ކަމުގައި ހިމެނޭ ނުވަތަ ދައުލަތުގެ ސިއްރު ކަމުގައި ބެލެވިދާނޭ އެންމެހައި ކަންކަމާއި، ލިޔެކިޔުމާއި، ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތަކުގެ ސިއްރު ހިފަހައްޓަން ވާނެއެވެ.
(ލ) އޮފީހުގެ މަސައްކަތާބެހޭ މައުލޫމާތު އެކަމަށް އޮފީހުން ކަނޑައަޅައިފައިވާ އުސޫލުން މެނުވީ ހާމަކޮށް ހަދައިގެންނު ވާނެއެވެ.
(ގ) އެ މުވައްޒަފެއްގެ މަސައްކަތުގެ ދާއިރާގައި ޕްރޮފެށަނަލް މިންގަނޑުތަކެއް އެކަށައެޅިފައިވާނަމަ އެމިންގަނޑުތަކާ އެއްގޮތަށް އަމަލުކުރަން ވާނެއެވެ.
23 ވަނަ މާއްދާ - އަމިއްލަ ކަންތައްތަކާއި އުޅުން ބަހައްޓަންވީ ގޮތް
ދިވެހި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފެއްމެ:
(ހ) ވަޒީފާގެ ރަސްމީ މަސައްކަތުގައި އުޅޭ އިރު ހެދުން ހުންނަންވާނީ، ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށެވެ.
(ށ) އުޅުމާއި ގުޅުން ބަހައްޓަންވާނީ ދިވެހި ސިވިލް ސަރވިސްގެ އަބުރާއި އިއްޒަތާއި ށަރަފާއި ގަދަރު ހިފެހެއްޓޭނޭ ގޮތަކަށެވެ.
(ނ) އަމިއްލަ ފައިދާ ހޯދުމަށާއި، އެކި ފަރާތް ފަރާތުން ހަދިޔާ ބަދިޔާ ހޯދުމަށް މަގާމުގެ ބޭނުން ހިފައިގެން ނުވާނެއެވެ. އަދި ތިމާގެ ވަޒީފާގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމާ ގުޅިގެން އެއްވެސް މީހެއްގެ އަތުން ހަދިޔާއެއް ނުވަތަ އެނޫންވެސް މަންފާއެއް ހޯދައި ނުވަތަ ލިބިގަނެގެން ނުވާނެއެވެ.
(ރ) އަމިއްލަ ލާބައާއި މަންފާއެއް ހޯދުމަށްޓަކައި، ނުވަތަ ނާޖާއިޒު ގޮތެއްގައި އެހެންމީހަކަށް ފައިދާއެއް ހޯދައިދިނުމަށްޓަކައި ރަސްމީ އެއްވެސް މައުލޫމާތެއް ހާމަކޮށްގެން ނުވާނެއެވެ.
(ބ) އޮފީހުގެ ވަސީލަތްތައް އެ މީހެއްގެ އަމިއްލަ ކަންކަމަށާއި އަމިއްލަ މަސައްކަތް ކުރުމަށް ބޭނުން ކޮށްގެން ނުވާނެއެވެ.
24 ވަނަ މާއްދާ - ސަރުކާރަށާއި ރައްޔިތުންނަށް ޒިންމާދާރުވުން
ދިވެހި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފެއްމެ:
(ހ) ދިވެހި ސިވިލް ސަރވިސްގައި އޭނާ އަދާ ކުރާ ވަޒީފާއާ ގުޅޭ ގޮތުން ސަރުކާރަށާއި ރައްޔިތުންނަށް ޒިންމާދާރުވާން ވާނެއެވެ.
(ށ) މަސައްކަތަކާ ހަވާލު ވާންވާނީ އޭނާ ހަވާލު ވާ މަސައްކަތަކީ ކޮބައިކަން ރަނގަޅަށް އެނގިހުރެ، އެ މަސައްކަތަށް ބޭނުންވާ ހުނަރު އޭނާގެ ކިބައިގައި ހުރެގެން ނުވަތަ ހޯދޭނެ ގޮތެއް އޮވެގެންނެވެ.
ޗެޕްޓަރ 3
ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިން
25 ވަނަ މާއްދާ - ތައާރަފު
(ހ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ ކޮންމެ މަސްއޫލު އޮފީހެއްގައި ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ކޯޑް އޮފް ކޮންޑަކްޓާއި މި ގަވާއިދުގެ ދަށުން ހިންގަންޖެހޭ ކަންކަންހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވޭ އަދި އެކަންކަމަށް ޒިންމާވެ ޖަވާބުދާރީވާނެ، ޒިންމާދާރު އިސްވެރިއަކު ހުންނަން ވާނެއެވެ. މަސްއޫލު އޮފީސްތަކުގެ ތެރެއިން މިނިސްޓްރީތަކާއި، ބަންޑާރަނައިބުގެ އޮފީހުގައި ހުންނާނީ ޕަރމަނަންޓް ސެކްރެޓަރީއެވެ.
(ށ) މަސްއޫލު އޮފީހެއްގެ ދަށުން އިދާރީގޮތުން ވަކި އޮފީހެއްގެ ގޮތުގައި، ހިންގާ ތަންތަނުގެ ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ އެންމެހައި ކަންތައްތައް ޕަރމަނަންޓް ސެކްރެޓަރީގެ އިރުށާދުގެ ދަށުން ހިންގައި ބެލެހެއްޓުމަށް ޒިންމާދާރު އިސްވެރިޔަކު ހުންނަން ވާނެއެވެ. އަދި އިދާރީގޮތުން ވަކި އޮފީހެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ކޮންމެ އޮފީހެއްގައި ޒިންމާދާރު އިސްވެރިޔަކު ހުންނަން ވާނެއެވެ. އިދާރީގޮތުން ވަކި އޮފީހެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ކޮންމެ އޮފީހަކީ، ސިވިލް ސަރވިސްގެ ގާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގެ ދަށުން މަސްއޫލު އޮފީހެއް ކަމުގައި ބެލޭނެއެވެ.
(ނ) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 7/2010) ގެ 129 ވަނަ މާއްދާގައި ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި ކައުންސިލްގެ ޒިންމާދާރު ވެރިއެއް ސިވިލް ސަރވިސް ކޮމިށަނުން އައްޔަން ކުރަން ވާނެ ކަމަށް ބަޔާން ކޮށްފައި ވާތީ، ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުވައްޒަފަކީ، ޒިންމާދާރު ވެރިޔާއެވެ. ނަމަވެސް މި ގަވާއިދުގައި އެ ފަރާތްތަކަށް މުހާތަބު ކުރެވޭނީ ޒިންމާދާރު އިސްވެރިންގެ ނަމުގައެވެ. އަދި ބައެއް ޒިންމާދާރު ވެރިންނަކީ، މަސްއޫލު އޮފީހެއްގެ ދަށުގައި، އިދާރީގޮތުން ވަކި އިދާރާއެއްގެ ގޮތުގައި، ހިންގާ ތަންތަނުގެ ސިވިލް ސަރވިސްގެ މުވައްޒަފުންނާ ބެހޭ އެންމެހައި ކަންތައްތައް ޕަރމަނަންޓް ސެކްރެޓަރީގެ އިރުށާދުގެ ދަށުން ހިންގައި ބެލެހެއްޓުމަށް ހަވާލުކުރެވޭ މަގާމުގައި ހުންނަ ފަރާތެކެވެ. "ޒިންމާދާރު ވެރިޔާ" ނުވަތަ "ޒިންމާދާރު އިސްވެރިޔާ" އަކީއެ މީހެއްގެ ވަޒީފާގައި ހިމެނޭ ހަވާލުކުރެވޭ މަސްއޫލިއްޔަތެކެވެ. މަގާމެއް ނޫނެވެ.
26 ވަނަ މާއްދާ - ޕަރމަނަންޓް ސެކްރެޓަރީ
(ހ) ޕަރމަނަންޓް ސެކްރެޓަރީއަކީ، އޭނާ ވަޒީފާ އަދާ ކުރާ މަސްއޫލު އޮފީހުގެ އިސްވެރިޔާ ކަނޑައަޅާ ސިޔާސަތާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މަސްއޫލު އޮފީހާއި މަސްއޫލު ދާއިރާގެ އެންމެހައި ކަންތައްތައް ހިންގުމުގައި ފުރިހަމައަށް އެހީތެރިވެ އެއްބާރުލައި، އިސްވެރިޔާގެ އިރުށާދާ އެއްގޮތަށް އެ ކަންތައްތައް ތަންފީޒުކޮށް ހިންގައި ބެލެހެއްޓުމުގެ ޒިންމާދާރު އިސްވެރިޔާއެވެ.
(ށ) ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަކީ ދަރަޖައިގެ ގޮތުން ޑެޕިއުޓީ މިނިސްޓަރާ އެއްފަންތީގެ މަގާމެކެވެ.
27 ވަނަ މާއްދާ - ޕަރމަނަންޓް ސެކްރެޓަރީންގެ މަސްއޫލިއްޔަތާއި ޒިންމާ
ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 55 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޕަރމަންޓް ސެކްރެޓަރީންގެ މަސްއޫލިއްޔަތާއި ޒިންމާގެ ތެރޭގައި ހިމެނޭ މައިގަނޑު ކަންތައްތައް ތިރީގައި މިވަނީއެވެ. މި މަސްއޫލިއްޔަތާއި ޒިންމާތައް ޕަރމަނަންޓް ސެކްރެޓަރީންނަށް ކޮމިށަނުން އިތުރަށް ތަފުސީލުކޮށްދެވޭނެއެވެ.
(ހ) ޕަރމަނަންޓް ސެކްރެޓަރީ ޒިންމާ ކުރެވޭ ދާއިރާއަށް ސަރުކާރުގެ ރަސްމީ އޮނިގަނޑުން ކަނޑައަޅާ މަސައްކަތްތަކާ ގުޅޭ ސިޔާސަތުތަކާއި މަށްރޫއުތައް އެކުލަވައި އެކަށައަޅައި ހިންގުމުގައި އިސްވެރިޔާއަށް ލަފާދީ އެހީތެރިވުން.
(ށ) އިސްވެރިޔާ ޖަވާބުދާރީ ވާންޖެހޭ ކަންކަމާއި ހާލަތްތަކުގައި އޭނާއަށް އެހީތެރިވުން.
(ނ) ޕަރމަނަންޓް ސެކްރެޓަރީ ޒިންމާކުރެވޭ ދާއިރާގެ އިސްވެރިޔާގެ ދަށުން އެ މަސްއޫލު އޮފީހާއި ދާއިރާ ހިންގައި ބެލެހެއްޓުން.
(ރ) ޒިންމާކުރެވޭ މަސްއޫލު އޮފީހުގެ ދާއިރާގައި އިސްނެގުމުގެ ރޫހާއި މަސައްކަތުގެ ހިތްވަރާއި ފޯރި އިތުރުކޮށް ދެމެހެއްޓުން.
(ބ) ދާއިރާގެ މުދަލާއި ފައިސާ އަދި އެނޫން ވަސީލަތްތައް ބޭނުންކުރެވެނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް އަދި ހެޔޮގޮތުގައިތޯ ބެލުން.
(ޅ) ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް ހޯދައި ތަރައްގީކޮށް އެންމެ ހެޔޮގޮތުގައި ބޭނުން ހިފުން.
(ކ) އިސްނެގުމާއި، އައު ގޮތްތަކާއި، އެންމެ ރަނގަޅު ގޮތްތަކާއި އައު ޓެކްނޮލޮޖީއާއި ހުނަރަށް އިސްކަންދީގެން މުވައްޒަފުންނަށް އެ ރޮނގުތަކުން ކުރިއެރުން ގެނެސް، ކުރެވޭ މަސައްކަތަށާއި ދެވޭ ހިދުމަތަށް އޭގެ އެދެވޭ ކުރިއެރުން ގެނައުން.
(އ) ސިވިލް ސަރވިސްގެ އެޑްވައިޒަރީ ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން ސިވިލް ސަރވިސް ހިންގުމުގައި ކޮމިށަނަށް ލަފާދިނުމާ ގުޅިގެން މަސައްކަތް ކުރުން.
(ވ) ކޮންމެ މީލާދީ އަހަރެއް ނިމުމުން، އެ ނިމުނު އަހަރުގެ ތެރޭގައި، މަސްއޫލު އޮފީހާއި ދާއިރާގެ ހަރަކާތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުތަކާ އެއްގޮތަށް އަހަރީ ރިޕޯޓެއް ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އިސްވެރިޔާއަށް ހުށަހެޅުން.
(މ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދުގައި ޒިންމާދާރު ވެރިޔާއަށް ކަނޑައަޅައިފައިވާ އެންމެހައި ކަންކަން ޒިންމާއާއެކު ބަރާބަރަށް އަދާ ކުރުން.
28 ވަނަ މާއްދާ - ޕަރމަނަންޓް ސެކްރެޓަރީންގެ މަގާމުގެ ށަރުތު
(ހ) ޕަރމަނަންޓް ސެކްރެޓަރީންގެ މަގާމުގެ ށަރުތުތަކާއި މަގާމަށް ހޮވާ އައްޔަން ކުރުމުގައި ގެންގުޅޭނެ މިންގަނޑުތަކާއި އުސޫލުތައް ކޮމިށަނުން ކަނޑައަޅައި އާންމު ކުރާނެއެވެ.
(ށ) ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލާ ފަރާތުގެ ތައުލީމީ ފެންވަރަށާއި އިސްނެގުމަށާއި ލީޑަށިޕަށާއި ތެދުވެރިކަމަށާއި އަމާނާތްތެރިކަމަށާއި ހިންގުމުގެ ތަޖުރިބާއަށާއި ނަތީޖާ ހާސިލު ކޮށްފައިވާ މިންވަރަށް ބެލެވޭނެއެވެ.
(ނ) ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލާ މީހަކީ، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އައްޔަން ކުރާ ފަރާތްތަކުގައި ހުރުމަށް ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގައި ކަނޑައަޅާފައިވާ ތިރީގައި ބަޔާން ކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ.
- .ދިވެހި ރައްޔިތަކަށްވުން.
- ވަޒީފާއަށް އެދި ހުށަހަޅާއިރު، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އުމުރުން 55 އަހަރު ވެފައިވާ މީހަކު ކަމުގައި ނުވުން.
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަމާއި، ޓެކުމާއި، މަކަރާއި، ހީލަތްހެދުމާއި، ހިޔާނާތް ފަދަ ބޮޑު ކުށެއް ކުރިކަން، ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި، ށަރީއަތަށް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން.
- ވަޒީފާއަށް ކުރިމަތިލާ އޮފީހުގައި އެ މީހާގެ މަންމަ، ބައްޕަ، ދަރިއެއް، އެއްބަ ނޑުއެއްބަފާ މީހެއް، އެއްބަ ނޑު މީހެއް ނުވަތަ އެއްބަފާ މީހެއް އަނތްބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު އެ ކުރިމަތިލާ އޮފީހުގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ އެ ހުރި މީހަކު ވަޒީފާ ބަދަލު ކުރުމަށް ނުވަތަ އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން އޮތުން.
29 ވަނަ މާއްދާ - ޕަރމަނަންޓް ސެކްރެޓަރީން އައްޔަން ކުރުން
(ހ) މަސްއޫލު އޮފީސްތަކަށް ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް މީހުން އައްޔަން ކުރާނީ، ސިވިލް ސަރވިސް ކޮމިށަނުންނެވެ.
(ށ) ޕަރމަނަންޓް ސެކްރެޓަރީން އައްޔަން ކުރެވޭނީ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ނ) ދިވެހި ސިވިލް ސަރވިސް ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ ޕަރމަނަންޓް ސެކްރެޓަރީން ފިޔަވައި، އެހެން ކޮންމެ ޕަރމަނަންޓް ސެކްރެޓަރީއެއް އަލުން 5 (ފަހެއް) އަހަރު ދުވަހުގެ ދައުރަކަށް އައްޔަން ކުރެވި ދާނެއެވެ. އަދި، އެގޮތުން އައްޔަން ކުރެވޭ ޕަރމަނަންޓް ސެކްރެޓަރީ ކޮންމެ 5 (ފަހެއް) އަހަރަކުން އައްޔަން ކުރަމުން ގެންދެވި ދާނެއެވެ.
(ރ) ހިދުމަތުގައި ދެމިތިއްބެވި ޕަރމަނަންޓް ސެކްރެޓަރީން، އަލުން 5 (ފަހެއް) އަހަރުދުވަހުގެ ދައުރަކަށް ކޮމިށަނުން އައްޔަން ކުރާއިރު އަލުން 5 (ފަހެއް) އަހަރުގެ މުއްދަތަށް އައްޔަން ކުރެވޭ ތާރީހާ ހަމަޔަށް އުމުރުން 60 (ފަސްދޮޅަސް) އަހަރަށްވުރެ ދޮށިވެގެން ނުވާނެއެވެ.
(ބ) ޕަރމަނަންޓް ސެކްރެޓަރީއަކު އަލުން 5 އަހަރުގެ ދައުރަކަށް އައްޔަން ކުރުމުގައި ވޭތުވެދިޔަ ދައުރުގެ މަސައްކަތުގެ ފެންވަރަށް ބެލޭނެއެވެ.
(ޅ) ޕަރމަނަންޓް ސެކްރެޓަރީއެއް އައްޔަން ކުރެވިފައިވާ ދައުރު ހަމަވުމުން، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިލުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ކ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 64 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ސަރުކާރުގެ މަސްއޫލު އޮފީހެއްގެ ގޮތުގައި މިނިސްޓްރީއެއް އުފައްދަވައިފިނަމަ، އެމިނިސްޓްރީއަކަށް ޕަރމަނަންޓް ސެކްރެޓަރީއަކު މި ގަވާއިދުގައިވާ ގޮތުގެ މަތީން އައްޔަން ކުރެވޭނެއެވެ.
(އ) ޕަރމަނަންޓް ސެކްރެޓަރީން އައްޔަން ކުރުމަކީ ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) އާއި (ނ) ގައިވާގޮތުގެ މަތީން ކޮމިށަނަށް ލިބިދީފައިވާ ބާރަކަށްވާތީ، ޕަރމަނަންޓް ސެކްރެޓަރީއެއްގެ ގޮތުގައި މީހަކު އައްޔަން ކުރުމުގެ އެންމެފަހުގެ ނިންމުން ނިންމާނީ ކޮމިށަނުންނެވެ.
(ވ) ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް އަލަށް އައްޔަން ކުރެވޭ މީހުން ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 100 ވަނަ މާއްދާގައި ވާގޮތުގެ މަތީން، ޕްރޮބޭށަންގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެއެވެ.
30 ވަނަ މާއްދާ - ޕަރމަނަންޓް ސެކްރެޓަރީން ވަކިކުރުން
(ހ) ޕަރމަނަންޓް ސެކްރެޓަރީން ވަޒީފާއިން ވަކިކުރާނީ، ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ކޮމިށަނުންނެވެ.
(ށ) ޕަރމަނަންޓް ސެކްރެޓަރީއަކު ވަޒީފާއިން ވަކި ކުރާނަމަ، ވަޒީފާއިން ވަކިކުރާ ސަބަބު ނުވަތަ ސަބަބުތައް، ޕަރމަނަންޓް ސެކްރެޓަރީއަށް ލިއުމުން އަންގަން ވާނެއެވެ.
(ނ) ޕަރމަނަންޓް ސެކްރެޓަރީން ވަޒީފާއިން ވަކިކުރެވިދާނެ ސަބަބުތައް ތިރީގައި އެވަނީއެވެ.
- ވަޒީފާގެ ވާޖިބުތައް އަދާ ކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ތަމްރީނު ކޯހަކުން ފާސްނުވުން، ނުވަތަ ކޯސް ފުރިހަމަ ނުކުރުން.
- ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އަދި ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފްކޮންޑަކްޓާ ހިލާފުވިކަން ސިވިލް ސަރވިސް ކޮމިށަނަށް ސާބިތުވުން.
- އެ މުވައްޒަފަކަށް ޕަރމަނަންޓް ސެކްރެޓަރީގެ ވަޒީފާ ލިބިފައިވަނީ، ސިވިލް ސަރވިސް ގެ ގާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ ހިލާފަށްކަމަށް ސިވިލް ސަރވިސް ކޮމިށަނުން ކުރި ތަހުގީގަކަށް ސާބިތުވުން.
- ނިޔާވުން.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނާއަސާސީގައި ބަޔާންކުރެވިފައިވާ އާންމު އިންތިހާބެއްގައި ވާދަ ކުރުމަށް ގަސްތުކުރާ ޕަރމަނަންޓް ސެކްރެޓަރީންއެ އިންތިހާބެއް ބާއްވާ ތާރީހުގެ މީލާދީ 6 މަސްދުވަސް ކުރިން އިސްތިއުފާ ނުދީ ހުރެ އިންތިހާބަކަށް ކުރިމަތިލުން.
(ރ) ދިވެހިރާއްޖޭގައި އަމަލު ކުރާ އެހެން ގާނޫނެއްގެ ދަށުން، ދިވެހި ސިވިލް ސަރވިސްގައި ވަޒީފާ އަދާ ނުކުރެވޭނޭ ހާލަތެއް ޕަރމަނަންޓް ސެކްރެޓަރީއަކަށް މެދުވެރިވެއްޖެނަމަ، ވަޒީފާއިން ވަކިކުރެވޭނެއެވެ.
(ބ) ޕަރމަނަންޓް ސެކްރެޓަރީއަކު ވަޒީފާއިން ވަކި ކުރުމުގެކުރިން، ވަޒީފާއިން ވަކި ކުރަން ގަސްތުކުރާކަން، ވަކިކުރާ ސަބަބު އެނގޭގޮތަށް ބަޔާންކޮށް އެ ޕަރމަނަންޓް ސެކްރެޓަރީއަކު ވަޒީފާ އަދާ ކުރާ ދާއިރާގެ އިސްވެރިޔާއަށް ހުށަހަޅަން ވާނެއެވެ.
(ޅ) ޕަރމަނަންޓް ސެކްރެޓަރީއެއް އައްޔަން ކުރެވިފައިވާ ދައުރުހަމަވެ، މި ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަލުން 5 (ފަހެއް) އަހަރު ދުވަހުގެ ދައުރަކަށް އައްޔަން ކުރުމަށް ކޮމިށަނުން ނިންމާފައި ނުވާނަމަ، އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން އެޕަރމަނަންޓް ސެކްރެޓަރީއެއް ވަޒީފާއިން ވަކި ކުރެވޭނެއެވެ.
(ކ) މިމާއްދާގެ (ނ) ގެ ދަށުން ވަކިކުރެވޭ ޕަރމަނަންޓް ސެކްރެޓަރީން ފިޔަވައި، ޕަރމަނަންޓް ސެކްރެޓަރީއެއް އައްޔަން ކުރެވިފައިވާ ދައުރު ހަމަވާ ތާރީހާ ހަމަޔަށް އުމުރުން 55 (ފަންސާސްފަހެއް) އަހަރު ފުރިފައި ވާނަމަ، އަދި އަލުން 5 (ފަހެއް) އަހަރު ދުވަހުގެ ދައުރަކަށް އައްޔަން ނުކުރެވޭނަމަ، މި ގަވާއިދުގެ 229 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ކޮމިށަނަށް ލިބިދޭ އިހުތިޔާރުގެ ދަށުން އެޕަރމަނަންޓް ސެކްރެޓަރީއެއް ވަޒީފާއިން މުސްކުޅިކޮށް އިނާޔަތް ހަމަޖައްސައި ވަޒީފާއިން ދޫކޮށްލެވޭނެއެވެ.
(އ) މިމާއްދާގެ (ނ) ގެ ދަށުން ވަކިކުރެވޭ ޕަރމަނަންޓް ސެކްރެޓަރީން ފިޔަވައި، ޕަރމަނަންޓް ސެކްރެޓަރީއެއް އައްޔަން ކުރެވިފައިވާ ދައުރު ހަމަވާ ތާރީހާ ހަމަޔަށް އުމުރުން 55 (ފަންސާސްފަހެއް) އަހަރު ނުވާނަމަ އަދި އަލުން 5 (ފަހެއް) އަހަރު ދުވަހުގެ ދައުރަކަށް އައްޔަން ނުކުރެވޭނަމަ، އެޕަރމަނަންޓް ސެކްރެޓަރީއާއެކު ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން، މި ގަވާއިދުގެ 224 ވަނަ މާއްދާގެ (ށ) ގައިވާގޮތުގެ މަތީން އިނާޔަތް ހަމަޖައްސައި ވަޒީފާއިން ދޫކޮށްލެވޭނެއެވެ.
(ވ) ގާނޫނުއަސާސީގެ 116 ވަނަ މާއްދާގައި ވާގޮތުގެ މަތީން ސަރުކާރު ހިންގުމުގެ އޮނިގަނޑަށް ގެނެވޭ ބަދަލަކާގުޅިގެން، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 54 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އުވާލެވޭ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ވަޒީފާއިން ވަކި ކުރެވޭނެއެވެ. މިގޮތުން ވަޒީފާއިން ވަކިކުރެވޭނީ މި ގަވާއިދުގެ 229 ވަނަ މާއްދާ ނުވަތަ 224 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، އިނާޔަތް ދިނުމަށްފަހުގައެވެ.
(މ) ގާނޫނުއަސާސީގެ 116 ވަނަ މާއްދާގައި ވާގޮތުގެ މަތީން ސަރުކާރު ހިންގުމުގެ އޮނިގަނޑަށް ގެނެވޭ ބަދަލަކާގުޅިގެން، ދެމިނިސްޓްރީއެއް ނުވަތަ މިނިސްޓްރީތަކެއްގެ މަސައްކަތް އެއްކޮށްލައި، އަލަށް މިނިސްޓްރީއެއް އުފައްދަވައިފިނަމަ، އެއްކޮށްލެވުނު މިނިސްޓްރީތަކުގެ ޕަރމަނަންޓް ސެކްރެޓަރީންގެ މެދުގައި މެރިޓް އުސޫލުން އަލަށް އުފެއްދި މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް ވާދަ ކުރުމަށް ފުރުސަތު ލިބިދެވޭނެއެވެ. އަދި މިގޮތުން މިޕަރމަނަންޓް ސެކްރެޓަރީންގެ ތެރެއިން އަލަށް އުފެދުނު މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަން ނުކުރެވޭ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޕަރމަނަންޓް ސެކްރެޓަރީން، ވަޒީފާއިން ވަކިކުރެވޭނީ މި ގަވާއިދުގެ 229 ވަނަ މާއްދާ ނުވަތަ 224 ވަނަ މާއްދާގެ (ށ) ގައި ވާ ގޮތުގެ މަތީން، އިނާޔަތް ދިނުމަށްފަހުގައެވެ.
31 ވަނަ މާއްދާ - ވަގުތީ ޕަރމަނަންޓް ސެކްރެޓަރީން ހަމަޖެއްސުން
(ހ) ޕަރމަނަންޓް ސެކްރެޓަރީއަކު ވަޒީފާއިން ވަކިވުމުގެ ސަބަބުން ނުވަތަ ޕަރމަނަންޓް ސެކްރެޓަރީގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރެވެން ނެތް ހިނދެއްގައި ނުވަތަ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމު ހުސްކޮށް އޮންނަ މުއްދަތުގައި، އެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް މި ގަވާއިދުގައި ވާގޮތުގެ މަތީން ވަގުތީ ޕަރމަނަންޓް ސެކްރެޓަރީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ މީހަކު ކޮމިށަނުން ހަމަޖައްސަން ވާނެއެވެ. ޕަރމަނަންޓް ސެކްރެޓަރީއެއް ޗުއްޓީގައި ހުންނަ މުއްދަތުގައި ނުވަތަ އެނޫންވެސް ސަބަބަކާހުރެ ވަގުތީގޮތުން އޮފީހަށް ހާޒިރުނުވާ މުއްދަތުގައި ވަގުތީ ޕަރމަނަންޓް ސެކްރެޓަރީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ މުވައްޒަފެއް ކަނޑައަޅާނީ އެ މިނިސްޓްރީއެއްގެ ޕަރމަނަންޓް ސެކްރެޓަރީއެވެ. ޕަރމަނަންޓް ސެކްރެޓަރީއެއް މަގާމުން އިސްތިއުފާދިނުމާގުޅިގެން ނުވަތަ މަގާމު ހުސްވެއްޖެ ހިނދެއްގައި އެ މިނިސްޓްރީއެއްގެ ވަގުތީ ޕަރމަނަންޓް ސެކްރެޓަރީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ މީހެއް ކަނޑައަޅާނީ ކޮމިށަނުންނެވެ. މިގޮތުން ވަޒީފާގައި ތިބި ޕަރމަނަންޓް ސެކްރެޓަރީންގެ ތެރެއިން ޕަރމަނަންޓް ސެކްރެޓަރީއެއް މަގާމު ހުސްވެފައިވާ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އައްޔަންކުރެވެންދެން ވަގުތީ ޕަރމަނަންޓް ސެކްރެޓަރީއަކަށް ހަމަޖެއްސޭނެއެވެ.
(ށ) ވަގުތީ ޕަރމަނަންޓް ސެކްރެޓަރީގެ މަސްއޫލިއްޔަތު ހަވާލުކުރެވޭ ފަރާތަށް، އެ މަސްއޫލިއްޔަތު އަދާކުރާ ދުވަސްތަކަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި ވާގޮތުގެ މަތީން ހިންގުމުގެ އެލަވަންސް ދޭން ވާނެއެވެ.
32 ވަނަ މާއްދާ - ޒިންމާދާރު އިސްވެރިންނާއި ޒިންމާދާރު ވެރިން
(ހ) "ޒިންމާދާރު އިސްވެރިޔާ" އަކީ، މަސްއޫލު އޮފީހަކީ މިނިސްޓްރީއެއްނަމަ، ޕަރމަނަންޓް ސެކްރެޓަރީއެވެ. މިނިސްޓްރީތައް ފިޔަވައި އެހެން އޮފީސްތަކުގެ ޒިންމާދާރު އިސްވެރިޔަކީ، އެ މަގާމަށް ކޮމިށަނުން އައްޔަން ކުރާ މުވައްޒަފެކެވެ.
(ށ) "ޒިންމާދާރު ވެރިޔާ" އަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފުގެ މަސްއޫލިއްޔަތު ހަވާލުކުރެވޭ މަގާމުގައި ހުންނަ ފަރާތެވެ. ނުވަތަ މަސްއޫލު އޮފީހެއްގެ ދަށުގައި، އިދާރީގޮތުން ވަކި އިދާރާއެއްގެ ގޮތުގައި، ހިންގާ ތަންތަނުގެ ސިވިލް ސަރވިސްގެ މުވައްޒަފުންނާ ބެހޭ އެންމެހައި ކަންތައްތައް ޕަރމަނަންޓް ސެކްރެޓަރީގެ އިރުށާދުގެ ދަށުން ހިންގައި ބެލެހެއްޓުމަށް ހަވާލުކުރެވޭ މަގާމުގައި ހުންނަ ފަރާތެވެ.
(ނ) އަތޮޅު ކައުންސިލެއްނަމަ، ޒިންމާދާރު ވެރިއެއްގެ ގޮތުގައި ކަނޑައަޅާ ހަމަޖައްސާ މުވައްޒަފަކީ، އެ ކައުންސިލްގެ އިދާރާއެއްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުރި މުވައްޒަފެވެ. އަދި ރަށު ކައުންސިލެއް ނަމަ، ޒިންމާދާރު ވެރިއެއްގެ ގޮތުގައި ކަނޑައަޅާ ހަމަޖައްސާ މުވައްޒަފަކީ، ރަށުކައުންސިލްގެ އިދާރާގެ ޑިރެކްޓަރެއްގެ މަގާމުގައި ހުރި މުވައްޒަފެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތް ކަމުގައި ވިޔަސް، ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު ހަވާލު ކުރުމަށް މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން، އެ މަގާމުތަކުގައި މުވައްޒަފުން ނެތް ހިނދެއްގައި ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލުކުރެވޭނީ، އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސް މުވައްޒަފަކަށެވެ. މަގާމުގެ ގޮތުން އެއްހަމަ 2 މުވައްޒަފުން ނުވަތަ އެއަށްވުރެ ގިނަ މުވައްޒަފުން ތިބި އިދާރާއެއް ނަމަ، ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު ހަވާލުކުރާނީ، މެރިޓް އުސޫލުންނެވެ.
33 ވަނަ މާއްދާ - ޒިންމާދާރު އިސްވެރިންނާއި ޒިންމާދާރު ވެރިންގެ މަސްއޫލިއްޔަތު
ޒިންމާދާރު އިސްވެރިންނާއި ޒިންމާދާރު ވެރިންގެ މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.
(ހ) އިދާރާ ހިންގުމާ ހަވާލުވެ ހުންނަވާ އިސްވެރިޔާ ބޭނުންފުޅުވާ ނަތީޖާތައް ނެރުމަށް ޓަކައި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރެވޭނޭ އިންތިޒާމު ގާއިމުކޮށް، އެ އިންތިޒާމު ހަރުދަނާކޮށް ހިންގުން.
(ށ) އެ އިދާރާގައި މަސައްކަތްކުރާ ސިވިލް ސަރވިސްގެ މުވައްޒަފުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ވަޒީފާއާބެހޭ ގާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް އަމަލު ކުރާކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ބެލެހެއްޓުމުގެ ނިޒާމު އޮފީހުގައި ގާއިމުކޮށް އެކަމާ މުވައްޒަފުން ޒިންމާ ކުރުވައި އެކަންކަން ބެލެހެއްޓުން.
(ނ) ސިވިލް ސަރވިސްގެ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކި ކުރުމާއި ވަޒީފާ އަދާ ކުރާތަން ބަދަލު ކުރުމާއި މުވައްޒަފުންނަށް ކަނޑައެޅޭ މުސާރައާއި އިނާޔަތާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުމާއި މުސާރަ ލިބޭ ގޮތަށް ނުވަތަ ނުލިބޭ ގޮތަށް ނަމަވެސް މުވައްޒަފެއް ވަޒީފާއަށް ނުކުތުން މަނާ ކުރުމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ހަމަޖެއްސުން.
34 ވަނަ މާއްދާ - ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިން އަދި ޒިންމާދާރު ވެރިން އަމަލު ކުރަންޖެހޭ އުސޫލުތައް
ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިންނާއި ޒިންމާދާރު ވެރިންނަށް މި ގަވާއިދުގައި ބަޔާން ކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއި ވާޖިބުތަކުގެ އިތުރުން، "ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިން އަމަލު ކުރަންޖެހޭ އުސޫލުތައް" މި ނަމުގައި ކޮމިށަނުން ނެރެ އާންމުކޮށް ށާއިއު ކޮށްފައިވާ މި ފޮތުގައިވާ ގޮތުގެ މަތީން އަމަލު ކުރަން ވާނެއެވެ. އަދި، މި ގަވާއިދާއި މި ގަވާއިދުގެ ދަށުން އެކުލަވައިލާ އުސޫލުތަކުގެ ދަށުން ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިންނާއި ޒިންމާދާރު ވެރިންނާ ހަވާލުކުރެވިފައިވާ ބާރުތަކަށް އެ ފަރާތްތަކުން ފުރިހަމައަށް ޖަވާބުދާރީވެ ޒިންމާ އުފުލަން ވާނެއެވެ. އަދި، އެ ބާރުތައް ބޭނުން ކުރުމާ ގުޅިގެން ކުރެވޭ ށަކުވާއާއި ހުށަހެޅޭ މައްސަލަތަކަށް ށަރުއީ މަރުހަލާ ތަކުގައިވެސް ޖަވާބުދާރީވާން ޖެހޭނެއެވެ.
35 ވަނަ މާއްދާ - ޒިންމާދާރު އިސްވެރިންނާއި، ޒިންމާދާރުވެރިން ކަނޑައެޅުމާއި، މަސްއޫލިއްޔަތު ހަވާލު ކުރުމާއި މަސްއޫލިއްޔަތުން ދުރު ކުރުން
(ހ) މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާން ކޮށްފައި ނުވާނަމަ، ޒިންމާދާރު އިސްވެރިންނާއި ޒިންމާދާރު ވެރިން ކަނޑަ އަޅާނީ، ސިވިލް ސަރވިސް ކޮމިށަނުންނެވެ. އަދި އެ ފަރާތްތައް މަސްއޫލިއްޔަތުން ދުރުކުރާނީވެސް ސިވިލް ސަރވިސް ކޮމިށަނުންނެވެ. ޒިންމާދާރު އިސްވެރިޔާ ނުވަތަ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު ހަވާލުކުރެވޭ މުވައްޒަފަށް، އެ މަސްއޫލިއްޔަތާއި ޒިންމާ ހަވާލުކޮށް، ކޮމިށަނުން ލިއުމުން އަންގަން ވާނެއެވެ.
(ށ) ޒިންމާދާރު އިސްވެރިޔާ ނުވަތަ ޒިންމާދާރު ވެރިޔާގެ މަގާމުގައި ހުންނަ ފަރާތުގެ ބަދަލުގައި ވަގުތީ ގޮތުން އެ މަސްއޫލިއްޔަތު ހަވާލުކުރެވޭ ފަރާތަށް ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރެވެން ނެތް ހިނދެއްގައި ނުވަތަ މަގާމު ހުސްކޮށް އޮންނަ މުއްދަތުގައި، އެ މަސްއޫލިއްޔަތު އެހެން ފަރާތަކާ ކޮމިށަނުން ހަވާލު ކުރަން ވާނެއެވެ. މިގޮތުން ވަގުތީ ގޮތުން ޒިންމާދާރު އިސްވެރިޔާ ނުވަތަ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާ ކުރާ ދުވަސްތަކަށް ދިވެހި ސިވިލްސަރވިސް ގެ ގަވާއިދުގައި ވާގޮތުގެ މަތީން ހިންގުމުގެ އެލަވަންސް ދޭން ވާނެއެވެ.
ޗެޕްޓަރ 4
ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ
36 ވަނަ މާއްދާ - ތައާރަފު
(ހ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދު ތަންފީޒު ކުރުމަށާއި ސިވިލް ސަރވިސުން ރައްޔިތުންނަށް ދެވޭ ހިދުމަތް ރަނގަޅުކޮށް، ޒަމާނީ ސިވިލް ސަރވިސެއް ގާއިމު ކުރުމަށް ސިވިލް ސަރވިސް ކޮމިށަނުން ކުރާ މަސައްކަތްތަކުގައި ކޮމިށަނަށާއި ޕަރމަނަންޓް ސެކްރެޓަރީންނަށާއި ޒިންމާދާރު ވެރިންނަށް އެހީތެރިވެދިނުމަށް މަސްއޫލު އޮފީސްތަކުގަޔާއި ސިޓީ ކައުންސިލްތަކުގަޔާއި ރަށު ފެންވަރުގައި ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީތައް ގާއިމު ކުރަން ވާނެއެވެ. އަދި ވަކި މުއައްސަސާއެއްގެ ގޮތުގައި ހިމެނޭ ތަންތަނުގައި ހިއުމަން ރިސޯސް މެނެޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ ގާއިމު ކުރުމުގެ ހުއްދަ ކޮމިށަނުން ދެވިދާނެއެވެ.
(ށ) ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީތަކަކީ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 9 ވަނަ މާއްދާއިން ކޮމިށަނަށް ލިބިދޭ ބާރުގެ ދަށުން އުފައްދާ ކޮމިޓީތަކެކެވެ.
(ނ) މި ޗެޕްޓަރުގައި މީގެފަހުން "އެޗް.އާރު.އެމް.ޑީ ކޮމިޓީ" މިނަމުގައި ބަޔާން ކޮށްފައިވާ ކޮމިޓީއަކީ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއެވެ.
37 ވަނަ މާއްދާ - މަގުސަދު
(ހ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދު ތަންފީޒު ކުރުމުގައި ސިވިލް ސަރވިސް ކޮމިށަނަށާއި އެ ދާއިރާއަކަށް އެހީތެރިވުން.
(ށ) ދިވެހި ސިވިލް ސަރވިސުން ރައްޔިތުންނަށް ދެވޭ ހިދުމަތް ރަނގަޅުކޮށް ޒަމާނީ ކުރުމަށް ކޮމިށަނުން ކުރާ މަސައްކަތުގައި އެހީތެރިވުން.
38 ވަނަ މާއްދާ - ކޮމިޓީއަށް ލިބިގެންވާ ބާރުތައް
އެޗް.އާރު.އެމް.ޑީ ކޮމިޓީތަކަކީ ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 9 ވަނަ މާއްދާއިން ކޮމިށަނަށް ލިބިދޭ ބާރުގެ ދަށުން އުފައްދާ ކޮމިޓީތަކަކަށް ވާތީ، ތިރީގައިވާ ބާރުތަކަކީ ކޮމިށަނުން ކޮމިޓީތަކަށް ދީފައިވާ ބާރުތަކެކެވެ.
(ހ) އެޗް.އާރު.އެމް.ޑީ ކޮމިޓީގެ މަސްއޫލިއްޔަތު އަދާ ކުރުމަށްޓަކައި އެ ދާއިރާއެއްގެ ސިއްރު ރިކޯޑްތަކާއި ލިޔެކިޔުންތައް ބެލުން.
(ށ) އެޗް.އާރު.އެމް.ޑީ ކޮމިޓީއަށް ހުށަހަޅާ މައްސަލަތަކާ ގުޅޭ ގޮތުން ދިރާސާކޮށް، ތަޖުރިބާކާރުންގެ އެހީ ހޯދުން.
(ނ) މެންބަރުން ނޫން ފަރާތްތަކަށް އެޗް.އާރު.އެމް.ޑީ ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރި ވެވޭނީ ކޮމިޓީ މެންބަރުން އެކަމަށް އިއުތިރާޒު ނުކުރާނަމައެވެ. ނަމަވެސް އެޗް.އާރު.އެމް.ޑީ ކޮމިޓީގައި ވޯޓު ނެގޭ އެއްވެސް ކަމެއްގައި އެފަދައިން ބައިވެރިވާ ފަރާތަކަށް ވޯޓެއް ނުދެވޭނެއެވެ.
39 ވަނަ މާއްދާ - ކޮމިޓީ އުފެއްދުމާއި އެކުލެވިގެންވާ ގޮތް
(ހ) މިނިސްޓްރީތަކާއި ސިޓީ ކައުންސިލްތަކުގެ އެޗް.އާރު.އެމް.ޑީ ކޮމިޓީތަކުގައި ހިމެނޭނީ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު ވެރިޔާގެ އިތުރުން މިނިސްޓްރީ ނުވަތަ ސިޓީ ކައުންސިލް ތަމްސީލުކުރާ މަދުވެގެން 5 (ފަހެއް) މުވައްޒަފުންނާއި އަދި އެމިނިސްޓްރީއެއް ނުވަތަ ސިޓީ ކައުންސިލެއްގެ ދަށުން ހިނގާ ކޮންމެ މުއައްސަސާއަކުން ކަނޑައަޅާ މަދުވެގެން 2 (ދޭއް) މުވައްޒަފުންނެވެ. ވަކިވަކި މުއައްސަސާތަކުން 2 (ދޭއް) މުވައްޒަފުން ހިމެނުމުން މިމާއްދާގެ (ނ) ގައި ބަޔާން ކުރެވިފައިވާ އަދަދަށްވުރެ ގިނަވާނަމަ، ވަކިވަކި މުއައްސަސާތަކުން 1 (އެކެއް) މުވައްޒަފަކު ކަނޑައެޅި ދާނެއެވެ.
39 ވަނަ މާއްދާ - ކޮމިޓީ އުފެއްދުމާއި އެކުލެވިގެންވާ ގޮތް
(ހ) ރަށްރަށުގައި އެކުލަވައިލެވޭ އެޗް.އާރު.އެމް.ޑީ ކޮމިޓީތަކުގައި ހިމެނޭނީ އެރަށެއްގައި ހުންނަ ސިވިލް ސަރވިސް މުވައްޒަފުން މަސައްކަތް ކުރާ އިދާރާތަކުގެ ޒިންމާދާރު ވެރިންނާއި، އެރަށެއްގައި ހުންނަ ސިވިލް ސަރވިސް މުވައްޒަފުން މަސައްކަތް ކުރާ ކޮންމެ އިދާރާއަކުން ނުވަތަ ޔުނިޓަކުން ޒިންމާދާރު ވެރިޔާ ހިމެނޭގޮތަށް ކަނޑައަޅާ މަދުވެގެން 2 މުވައްޒަފުންނެވެ.
(ށ) މަސްއޫލު އޮފީސްތަކާއި ސިޓީ ކައުންސިލްތަކުގައި ނަމަ، އެޗް.އާރު.އެމް.ޑީ ކޮމިޓީގެ މެންބަރުންގެ އަދަދަކީ، މަދުވެގެން 7 (ހަތެއް) އެވެ. އަދި ގިނަވެގެން 13 (ތޭރަ) އެވެ. ރަށްރަށުގައިނަމަ މަދުވެގެން 5 (ފަހެއް) އެވެ. އަދި ގިނަވެގެން 11 (އެގާރަ) އެވެ. މިގޮތުން އެކުލަވައިލާ ކޮމިޓީއަކީ އޮނަހިރި އަދަދެއްގެ މައްޗަށް މެންބަރުން ހިމެނޭ ކޮމިޓީއަކަށް ވާން ވާނެއެވެ.
(ނ) ސިޔާސަތު އެކުލަވައިލުމާއި ތަންފީޒު ކުރުމުގެ ބާރު ލިބިފައިވާ ވަކިވަކި މުއައްސަސާ ނުވަތަ ޑިޕާޓްމަންޓުތަކުގައި ވަކިވަކި އެޗް.އާރު.އެމް.ޑީ ކޮމިޓީ އެކުލަވައިލުމުގެ ހުއްދަ ކޮމިށަނުން ދެވި ދާނެއެވެ.
(ރ) އެޗް.އާރު.އެމް.ޑީ ކޮމިޓީތައް އެކުލަވައިލުމުގައި ވަކިވަކި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ނިސްބަތަށް ރިއާޔަތް ކުރަން ވާނެއެވެ.
(ބ) ކޮމީޓީގައި ހިމެނޭ މެންބަރުންގެ އެންމެ މަދު އަދަދު ހަމަކުރެވެން ނެތް ހާލަތެއްގައި، ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން އެފަދަ ކޮމިޓީއެއް އެކުލަވައިލުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
40 ވަނަ މާއްދާ - ކޮމިޓީގައި ސިޔާސީގޮތުން އައްޔަން ކުރެވޭ ފަރާތެއް ނުވަތަ ކައުންސިލް މެންބަރަކު ބައިވެރިވުން
މަސްއޫލު އޮފީސްތަކުގައި ސިޔާސީގޮތުން އައްޔަން ކުރެވޭ ފަރާތެއް އޮބްޒާވަރެއްގެ ގޮތުގައި ބައިވެރި ވެވި ދާނެއެވެ. އަދި ސިޓީ ކައުންސިލްތަކުގެ އިދާރާގައި ނުވަތަ ރަށު ކައުންސިލްތަކުގެ އިދާރާ ހިމެނޭގޮތަށް ގާއިމުކުރެވޭ އެޗް.އާރު.އެމް.ޑީ ކޮމިޓީތަކުގައި އޮބްޒާވަރެއްގެ ގޮތުގައި ކައުންސިލުން ކަނޑައަޅާ، ކައުންސިލުގެ މެންބަރަކަށް ބައިވެރި ވެވި ދާނެއެވެ. މިގޮތުން ބައިވެރިވާ ފަރާތްތަކަށް ކަންކަމުގައި މަށްވަރާދީ، ކަންތައްތަކާ ގުޅޭ ގޮތުން ސުވާލުކުރެވި ދާނެއެވެ. ނަމަވެސް، އެ ފަރާތްތަކަށް އެޗް.އާރު.އެމް.ޑީ ކޮމިޓީގެ ނިންމުންތަކުގައި ވޯޓުދީ ނުހެދޭނެއެވެ.
41 ވަނަ މާއްދާ - ކޮމިޓީ އެކުލަވައިލުމާއި ބަދަލު ގެނައުން
(ހ) އެޗް.އާރު.އެމް.ޑީ ކޮމިޓީ އެކުލަވައިލަން ޖެހޭ އިދާރާ ނުވަތަ ރަށްރަށުގައި ކޮމިޓީ އެކުލަވައިލުމާއި ކޮމިޓީއަށް ބަދަލު ގެނައުމުގައި ތިރީގައި މިވާ އުސޫލުން އަމަލު ކުރަން ވާނެއެވެ.
- މަސްއޫލު އޮފީސްތަކާއި ސިޓީ ކައުންސިލްތަކުގައި އެޗް.އާރު.އެމް.ޑީ ކޮމިޓީ އެކުލަވައިލުމަށްޓަކައި ނަން ހުށަހެޅުމުގެ ފުރުސަތު ޑިވިޒަން / ސެކްށަންތަކުގެ ވެރިންނަށް ދޭން ވާނެއެވެ. ރަށު ފެންވަރުގައި ނަމަ، އެޗް.އާރު.އެމް.ޑީ ކޮމިޓީ އެކުލަވައިލުމަށްޓަކައި ނަން ހުށަހެޅުމުގެ ފުރުސަތު ވަކިވަކި އިދާރާތަކަށް ދޭން ވާނެއެވެ.
- އެޗް.އާރު،އެމް.ޑީ ކޮމިޓީ އެކުލަވައިލުމުގައި ހުށަހަޅައިފައިވާ ނަންތަކަށް ބަލައި، އެ މީހުންގެ ތައުލީމާއި ތަޖުރިބާއަށް ބަލައި ޕަރމަނަންޓް ސެކްރެޓަރީ / ޒިންމާދާރު އިސްވެރިޔާ އެޗް.އާރު.އެމް.ޑީ ކޮމިޓީއަށް މީހުން ހޮވަން ވާނެއެވެ.
- އެޗް.އާރު.އެމް.ޑީ ކޮމިޓީއަށް މީހުން ހޮވައި އެޗް.އާރު.އެމް.ޑީ ކޮމިޓީ އެކުލަވައިލާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ޖަދުވަލު 1 ގައި ވާ ނަމޫނާއާ އެއްގޮތަށް ކޮމިށަނަށް، އެޗް.އާރު.އެމް.ޑީ ކޮމިޓީގެ މައުލޫމާތު ފޮނުވަން ވާނެއެވެ.
(ށ) އެއްވެސް ސަބަބަކާހުރެ އެޗް.އާރު.އެމް.ޑީ ކޮމިޓީއަށް ބަދަލު ގެންނަން ޖެހިއްޖެނަމަ، ގެނައި ބަދަލު 7 (ހަތެއް) ދުވަހުގެ ތެރޭގައި ޖަދުވަލު 1 ގައި ވާ ނަމޫނާއާ އެއްގޮތަށް ކޮމިށަނަށް އަންގަން ވާނެއެވެ.
42 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން
އެޗް.އާރު.އެމް.ޑީ ކޮމިޓީގެ އެއްވެސް މެންބަރެއްގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ނުވަތަ ދަރިއެއްގެ ނުވަތަ އެ މީހެއްގެ ށަރުއީ އަދި ގާނޫނީ ބަލަދުވެރިކަން އޮތް ކޮންމެ މީހެއްގެ މަސްލަހަތު ހިމެނޭ ނުވަތަ އެމެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއްއޮތް ކަމަކާމެދު އެޗް.އާރު.އެމް.ޑީ ކޮމިޓީގައި މަށްވަރާ ކުރާނަމަ، އެފަދަ މެންބަރަކު އެ ބައްދަލުވުމެއްގައި ބައިވެރިވެގެން ނުވާނެއެވެ.
43 ވަނަ މާއްދާ - ކޮމިޓީގެ އިދާރީ މަސައްކަތް
(ހ) މަސްއޫލު އޮފީސްތަކާއި ސިޓީ ކައުންސިލްތަކުގެ އެޗް.އާރު.އެމް.ޑީ ކޮމިޓީގެ އިދާރީ މަސައްކަތް ބަލަހައްޓާނީ އެ އޮފީހެއްގެ ނުވަތަ އެސިޓީ ކައުންސިލެއްގެ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާގެ ބެލުމުގެ ދަށުން އެ އޮފީހެއްގެ ނުވަތަ އެސިޓީ ކައުންސިލެއްގައެވެ.
(ށ) ރަށު ފެންވަރުގެ އެޗް.އާރު.އެމް.ޑީ ކޮމިޓީގެ އިދާރީ މަސައްކަތް ބަލަހައްޓާނީ އެރަށު ކައުންސިލެއްގެ ޒިންމާދާރު އިސްވެރިޔާގެ ބެލުމުގެ ދަށުން އެ ކައުންސިލެއްގައެވެ.
(ނ) އަތޮޅުތަކުގެ އިދާރީ ދާއިރާގެ މަރުކަޒީ ރަށްރަށުގައި އެޗް.އާރު.އެމް.ޑީ ކޮމިޓީގެ އިދާރީ މަސައްކަތް ބަލަހައްޓާނީ އެއަތޮޅު ކައުންސިލެއްގެ ޒިންމާދާރު އިސްވެރިޔާގެ ބެލުމުގެ ދަށުން އެ ކައުންސިލެއްގައެވެ.
(ރ) ބައްދަލުވުންތަކުގައި މަށްވަރާކުރެވުނު ކަންތައްތަކާއި އެކަންކަމާ ގުޅިގެން މެންބަރުންގެ މެދުގައި ފާޅުކުރެވުނު ހިޔާލުތައް ޔައުމިއްޔާކޮށް، ޔައުމިއްޔާ ފާސްކޮށް ބަލަހައްޓަން ވާނެއެވެ.
44 ވަނަ މާއްދާ - ކޮމިޓީގެ މެންބަރުން ބައްދަލުވުންތަކަށް ހާޒިރުވުން
އެޗް.އާރު.އެމް.ޑީ ކޮމިޓީގެ މެންބަރުން، ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުވެ ކޮމިޓީގެ މަސައްކަތުގައި ބައިވެރިވާން ވާނެއެވެ. އެއްވެސް ސަބަބަކާހެދި ކޮމިޓީގެ ބައްދަލުވުމަކަށް ހާޒިރު ނުވެވޭނަމަ ބައްދަލުވުން ފެށުމުގެ 2 ގަޑިއިރު ކުރިން އެކަން ކޮމިޓީގެ ޗެއަރޕަރސަންއަށް އަންގަން ވާނެއެވެ. މަގުބޫލު ސަބަބެއްނެތި ވިދިވިދިގެން 3 (ތިނެއް) ބައްދަލުވުމަށް ހާޒިރު ނުވާ މެންބަރުން އެޗް.އާރު.އެމް.ޑީ ކޮމިޓީއިން ވަކިކުރެވޭނެއެވެ. އެފަދައިން މެންބަރަކު ވަކި ކުރެވިއްޖެނަމަ އެކަން އެ މުވައްޒަފެއް ތަމްސީލުކުރާ އޮފީހަކަށް ނުވަތަ ޑިވިޒަނަކަށް ސަބަބާއެކު އަންގައި އެޗް.އާރު.އެމް.ޑީ ކޮމިޓީއަށް ބަދަލު މެންބަރަކު ހަމަޖައްސަން ވާނެއެވެ. އަދި އެފަދައިން ވަކި ކުރެވުނު މުވައްޒަފާމެދު ދިވެހި ސިވިލް ސަރވިސް ގެ ގަވާއިދުގައިވާ ގޮތުގެ މަތީން އިސްލާހީ ފިޔަވަޅު އަޅަން ވާނެއެވެ.
45 ވަނަ މާއްދާ - ކޮމިޓީގެ ޗެއަރޕަރސަން
(ހ) މިނިސްޓްރީތަކުގެ އެޗް.އާރު.އެމް.ޑީ ކޮމިޓީގެ ޗެއަރޕަރސަނަކީ އެމިނިސްޓްރީއެއްގެ ޕަރމަނަންޓް ސެކްރެޓަރީއެވެ.
(ށ) ސިޓީ ކައުންސިލްތަކުގެ އެޗް.އާރު.އެމް.ޑީ ކޮމިޓީގެ ޗެއަރޕަރސަންއަކީ އެސިޓީ ކައުންސިލެއްގެ ޒިންމާދާރުވެ އިސްވެރިޔާއެވެ.
(ނ) އަތޮޅުތަކުގެ އިދާރީ ދާއިރާގެ މަރުކަޒީ ރަށްރަށުގައި އެޗް.އާރު.އެމް.ޑީ ކޮމިޓީގެ ޗެއަރޕަރސަނަކީ އަތޮޅު ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާއެވެ.
(ރ) ރަށްރަށުގެ އެޗް.އާރު.އެމް.ޑީ ކޮމިޓީގެ ޗެއަރޕަރސަންއަކީ ރަށު ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާއެވެ.
(ބ) ޗެއަރޕަރސަން ޗުއްޓީގައި ހުރުން ފަދަ ސަބަބަކާހުރެ އެޗް.އާރު.އެމް.ޑީ ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރި ނުވެވޭ ހާލަތެއްގައި، ބައްދަލުވުމެއް ބާއްވަން ކޮންމެހެން ބޭނުންވެއްޖެނަމަ، ބަދަލުގައި އެޗް.އާރު.އެމް.ޑީ ކޮމިޓީގައި ހިމެނޭ އެންމެ އިސްމުވައްޒަފު ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަން ވާނެއެވެ.
46 ވަނަ މާއްދާ - ކޮމިޓީގެ ކޯރަމް
އެޗް.އާރު.އެމް.ޑީ ކޮމިޓީގެ ބައްދަލުވުމުގެ ކޯރަމް ހަމަވާނީ އެޗް.އާރު.އެމް.ޑީ ކޮމިޓީގެ މެންބަރުންގެ ތެރެއިން ދެބައި ކޮށްފައި އެއްބަޔަށް ވުރެ ގިނަ މީހުން ހާޒިރު ވެގެންނެވެ.
47 ވަނަ މާއްދާ - ކޮމިޓީގެ މަސައްކަތްތައް
(ހ) ދާއިރާގެ އޮފީސްތަކުގެ މަސައްކަތްތައް ތަންފީޒު ކުރުމަށް އެންމެ އެކަށޭނަ އޮނިގަނޑުތައް އެކުލަވައިލުން.
(ށ) ދާއިރާގެ ވަޒީފާތަކަށް މީހުން ހޮވުމާއި ހަމަޖެއްސުމުގައި މި ގަވާއިދުގައިވާ ގޮތުގެ މަތީން އެހީތެރިވުން.
(ނ) ގަވާއިދާ އެއްގޮތަށް ވަޒީފާއަށް މީހުން ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
(ރ) ސިވިލް ސަރވިސްގެ މަސައްކަތްތައް ހަރުދަނާކޮށް ހަލުވި ކުރުމަށް ހެދިފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މިކަމަށް ބޭނުންވާ ގަވާއިދުތަކާއި އުސޫލުތައް ތައާރަފުކޮށް، ތަންފީޒު ކުރުމަށް ދާއިރާގެ ޕަރމަނަންޓް ސެކްރެޓަރީއަށް ނުވަތަ ޒިންމާދާރު އިސްވެރިޔާއަށް އެހީތެރިވެދިނުން.
(ބ) އޮފީހުގެ މާހައުލަކީ މަސައްކަތަށް ފަހި މާހައުލަކަށް ހެދުމާއި މުވައްޒަފުން އުޅޭހިތްވާ، އެކަކު އަނެކަކުގެ އިހްސާސްތައް ދަނެ، އެކަކު އަނެކަކަށް އަޅާލާ ތަނަކަށް ހެދުމަށް މަސައްކަތް ކުރުން.
(ޅ) މަސައްކަތުގެ ފެންވަރުބެލުމާއި، މުވައްޒަފުންނަށް އިނާޔަތް ދިނުމާއި ކުރިއެރުން ދިނުމުގައި ދާއިރާގެ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާއަށް ލަފާދީ އެހީތެރިވެ ދިނުން.
(ކ) ދާއިރާގައި ހިމެނޭ އޮފީސްތަކުގެ ކޮންޕްލަޔަންސް އޮޑިޓާއި، މެނޭޖްމަންޓް އޮޑިޓް ހެދުމަށް ކޮމިށަނަށް އެހީތެރިވެދިނުން އަދި އޮޑިޓް ރިޕޯޓުގައި ރަނގަޅު ކުރުމަށް ހުށަހަޅާ ކަންތައްތައް ރަނގަޅު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެދާއިރާއެއްގެ ޕަރމަނަންޓް ސެކްރެޓަރީއަށް ނުވަތަ ޒިންމާދާރު އިސްވެރިޔާއަށް އެހީތެރިވެދިނުން.
(އ) ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ގޮތުން ކުރެވޭ ތަހުގީގު ތަކުގައި އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިވެދިނުން.
(ވ) ސިވިލް ސަރވިސްގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންވާ ކަންކަމުގައި އެޗް.އާރު.އެމް.ޑީ ކޮމިޓީތަކަށް ފާހަގަކުރެވޭ ކަންތައްތަކަށް ސިޔާސަތު ކަރުދާސް ތައްޔާރުކޮށް، ދާއިރާގެ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ މެދުވެރިކޮށް ސިވިލް ސަރވިސް ކޮމިށަނަށް ހުށަހެޅުން.
(މ) އެންމެ ގާބިލު އެންމެ ރަނގަޅު މީހުން ސިވިލް ސަރވިސްގެ ވަޒީފާތަކަށް ހޮވޭކަން ކަށަވަރު ކުރުން، އަދި މުވައްޒަފުންނަކީ، މަސައްކަތުގެ އަހުލާގު ރަނގަޅު ސުލޫކު ރަނގަޅު ބައެއްކަން ކަށަވަރު ކުރުމަށްޓަކައި މުވައްޒަފުންގެ އިސްލާހީ ފިޔަޅުތައް ހެޔޮ ގޮތުގައި ކަނޑައެޅުން.
(ފ) މި ގަވާއިދުގެ ދަށުން ހަވާލުކުރެވޭ އިތުރު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ކުރުން.
48 ވަނަ މާއްދާ - އިންޓަވިއު ޕެނެލް އެކުލަވައި ލުން
އެޗް.އާރު.އެމް.ޑީ ކޮމިޓީގެ މެންބަރުން ހިމެނޭގޮތަށް ތިރީގައި މިދަންނަވާ ޕެނަލްތައް ކޮންމެ ދާއިރާއެއްގައިވެސް ގާއިމުކޮށް ކޮންމެ ޕެނަލްއަކަށް ކޯޑިނޭޓަރަކު ކަނޑައަޅަން ވާނެއެވެ. އަދި އެޕެނަލްތަކުގެ މަސައްކަތްތަކައް އެޗް.އާރު ކޮމިޓީގެ އަތްމަތީފޮތުގައި ބަޔާން ކުރަން ވާނެއެވެ.
(ހ) ޓްރެއިނިންގ ޕެނަލް؛ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަތުމާއި އެޗް.އާރު.އެމް.ޑީ ކޮމިޓީއަށް ބޭނުންވާ ފަންނީ މައުލޫމާތު ފޯރު ކޮށްދިނުމަށް ދިރާސާ ކުރުމާއި އަދި ތަމްރީނު ދިނުމުގައި ކޮމިށަނާ ގުޅިގެން މަސައްކަތް ކުރުން.
(ށ) ޕަރސަނެލް ޕެނަލް؛ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ލިޔެކިއުންތަކާއި، ރިކޯޑު ބަލަހައްޓަނީ ގަވާއިދާ އެއްގޮތަށްތޯ ބަލައި، ހާއްސަކޮށް ވަޒީފާގައި ދިމާވާ މައްސަލަތައް ބަލައި ދިރާސާކޮށް، އެޗް.އާރު.އެމް.ޑީ ކޮމިޓީއަށް ބޭނުންވާ ފަންނީ މައުލޫމާތު ފޯރު ކޮށްދިނުމާއި އަދި ކޮމިށަނާ ގުޅިގެން މަސައްކަތް ކުރުން.
(ނ) ކޮމްޕްލަޔަންސް ޕެނަލް؛ ދާއިރާގެ ކޮންޕްލަޔަންސް އޮޑިޓާއި މެނޭޖްމަންޓް އޮޑިޓް ހެދުމަށް ބޭނުންވާ ލަފާ އެޗް.އާރު.އެމް.ޑީ ކޮމިޓީއަށް ދިނުމާއި، ދާއިރާއާއި ދާއިރާއިން ބޭރުގެ މެނޭޖްމަންޓް އޮޑިޓް ހެދުމުގައި ދިރާސާކޮށް ކޮމިޓީއަށް ބޭނުންވާ ޓެކްނިކަލް މައުލޫމާތު
ފޯރު ކޮށްދިނުމާއި އަދި ކޮމިށަނާ ގުޅިގެން ކޮމްޕްލަޔަންސް މަސައްކަތްކުރުން.
50 ވަނަ މާއްދާ - ކޮމިޓީއަށް ބޭނުންވާ ލަފަޔާއި މަށްވަރާ ދިނުން
އެޗް.އާރު.އެމް.ޑީ ކޮމިޓީތަކުގެ މަސައްކަތާ ގުޅޭ ގޮތުން، އެޗް.އާރު.އެމް.ޑީ ކޮމިޓީތަކަށް ބޭނުންވާ ލަފަޔާއި އިރުށާދު ކޮމިށަނުން، އެޗް.އާރު.އެމް.ޑީ ކޮމިޓީތަކަށް ދޭން ވާނެއެވެ.
51 ވަނަ މާއްދާ - ކޮމިޓީގެ ނިންމުމަށް އަމަލު ކުރުމާއި އިލްތިމާސް ކުރުން
އެ ދާއިރާއެއްގެ އެޗް.އާރު.އެމް.ޑީ ކޮމިޓީގެ ނިންމުންތަކަށް އެ ދާއިރާގެ ހުރިހައި މުވައްޒަފުންވެސް އަމަލު ކުރަން ވާނެއެވެ. އެޗް.އާރު.އެމް.ޑީ ކޮމިޓީގެ ނިންމުމަކާމެދު އެއްވެސް މުވައްޒަފެއް ހިތްހަމަނުޖެހޭނަމަ، އެކަމެއް އަލުން ބަލައިދިނުމަށް އެދި އެޗް.އާރު.އެމް.ޑީ ކޮމިޓީއަށް ހުށަހެޅި ދާނެއެވެ. އަދި އެފަދަ ގޮތަކަށް އިލްތިމާސްކޮށްފިނަމަ، އެކަން އެޗް.އާރު.އެމް.ޑީ ކޮމިޓީއިން ބަލަން ވާނެއެވެ. އަދި އެގޮތުން އެޗް.އާރު.އެމް.ޑީ ކޮމިޓީއިން ނިންމާ ނިންމުމަކާމެދު މުވައްޒަފު ހިތްހަމަނުޖެހޭނަމަ، މި ގަވާއިދުގެ ޗެޕްޓަރު 29 ގައިވާ އުސޫލުން ކޮމިށަނަށް މައްސަލަ ހުށަހެޅި ދާނެއެވެ.
52 ވަނަ މާއްދާ - ކޮމިޓީއާ ބެހޭގޮތުން ހުށަހެޅޭ މައްސަލަ ބެލުން
މަސްއޫލު އޮފީސްތަކާ، ސިޓީ ކައުންސިލް އަދި ރަށްރަށުގައި އެކުލަވައިލެވިފައިވާ އެޗް.އާރު.އެމް.ޑީ ކޮމިޓީތަކާއި، އެކޮމިޓީގެ މަސައްކަތްތަކާއި، ނިންމުންތަކާ ބެހޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅުއެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
53 ވަނަ މާއްދާ - ކޮމިޓީގެ ރިޕޯޓު ހުށަހެޅުން
މަސްއޫލު އޮފީސްތަކާ، ސިޓީކައުންސިލްތައް އަދި ރަށްރަށުގައި އެކުލަވައިލެވިފައިވާ އެޗް.އާރު.އެމް.ޑީ ކޮމިޓީތަކުން އެކޮމިޓީތަކުގެ މަސައްކަތްތަކާ ބޭހޭ ރިޕޯޓެއް، ކޮންމެ މަސައްކަތު އަހަރެއް ނިމޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
ޗެޕްޓަރ 5
އޮފީސްތަކުގެ އިދާރީ އޮނިގަނޑު އެކުލަވައިލުމާއި މަގާމު އުފެއްދުމާއި އުވާލުން
54 ވަނަ މާއްދާ - ތައާރަފު
ދިވެހި ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ލިބިދޭންޖެހޭ ހިދުމަތްތައް ފޯރުވައިދިނުމަށް، އޮފީސްތަކުގެ އިދާރީ އޮނިގަނޑު އެކުލަވައިލުމާއި، އޮފީސްތަކަށް ބޭނުންވާ މަގާމުތައް އުފެއްދުމާއި، ހިދުމަތެއް ދިނުން ހުއްޓައިލުމުގެ ސަބަބުން ނުވަތަ ހިދުމަތް ދޭގޮތަށް ބަދަލު ގެނައުމުގެ ސަބަބުން އުވައިލަންޖެހޭ މަގާމުތައް އުވައިލާނީ މި ގަވާއިދުގައިވާ ގޮތުގެ މަތީން ކޮމިށަނުންނެވެ.
55 ވަނަ މާއްދާ - އިދާރީ އޮނިގަނޑު އެކުލަވައިލުން
(ހ) މަސްއޫލު އޮފީސްތަކާއި އެ މަސްއޫލު އޮފީސްތަކުގެ ދަށުން ހިންގާ އޮފީސްތަކުގެ އިދާރީ އޮނިގަނޑު އެކުލަވައިލާނީ، އެ ތަންތަނުން ކުރުމަށް ސަރުކާރުން ކަނޑައަޅުއްވައިފައި ވާ މަސައްކަތްތަކާއި، އަދި ވަކި ގާނޫނަކުން ބާރު ލިބިގެން ހިންގާ އޮފީހެއް ނަމަ ގާނޫނީ ގޮތުން އެ އޮފީހަކުން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތުގެ މައްޗަށް ބަލައިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މަސްއޫލު އޮފީހުން އޮނިގަނޑު އެކުލަވައިލުމަށް ފަހު، އޮނިގަނޑު އެންޑޯސް ކުރުމަށްޓަކައި ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
(ނ) މަސްއޫލު އޮފީސްތަކުން ހުށަހަޅާ އޮނިގަނޑަކީ ސިޔާސަތު ކަނޑައަޅާ، ތަންފީޒީ، ރެގިއުލޭޓް ކުރާ ނުވަތަ ހިދުމަތް ދޭ އިދާރާއަކަށް ބައްޓަން ކުރެވިފައި ވާ އޮނިގަނޑެއް ކަމުގައި ވިޔަސް، އިދާރީ އޮނިގަނޑުތައް ފަރުމާ ކުރަން ވާނީ ކޮމިށަނުން ކަނޑައަޅާ އުސޫލުތަކަށް ބަލައިގެންނެވެ.
56 ވަނަ މާއްދާ - އިދާރީ އޮނިގަނޑު އެންޑޯސް ކުރުމަށް ހުށަހެޅުން
އޮފީސްތަކުގެ އިދާރީ އޮނިގަނޑު އެންޑޯސް ކުރުމަށް މަސްއޫލު އޮފީސްތަކުން ކޮމިށަނަށް ހުށަހަޅާނީ ތިރީގައި މިވާ މައުލޫމާތުތަކާ އެކީގައެވެ.
(ހ) އެ މިނިސްޓްރީއަކުން ނުވަތަ އެ އިދާރާއަކުން ކަނޑައަޅާ އިދާރީ އޮނިގަނޑު.
(ށ) އިދާރީ އޮނިގަނޑުގައި ހިމެނޭ ޑިޕާޓްމަންޓް، ޑިވިޒަން، ސެކްށަން އަދި ޔުނިޓްތަކުގެ މަސައްކަތްތައް (ފަންކްށަންސް)
(ނ) އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމުތަކުގެ ތަފުސީލު.
(ރ) އިދާރީ އޮނިގަނޑުގައި ހިމެނޭ އައު މަގާމުތަކުގެ ވަޒީފާ ބަޔާން.
57 ވަނަ މާއްދާ - އޮފީސްތަކުގެ އޮނިގަނޑުތައް މުރާޖައާ ކުރުން
(ހ) އޮފީހުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އިދާރީ އޮނިގަނޑަށް ބަދަލެއް ގެނައުމަށް ބޭނުންވެއްޖެ ނަމަ، އެ އޮފީހެއްގެ އިދާރީ އޮނިގަނޑު މުރާޖައާކޮށް ގެންނަން ފެންނަ ބަދަލެއް މި ގަވާއިދުގެ 55 އާއި 56 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން މަސްއޫލު އޮފީހުން ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
(ށ) އޮފީހުން ކުރަމުން ދިޔަ މަސައްކަތެއް ހުއްޓައިލައިފި ނަމަ ނުވަތަ އޮފީހުގެ މަސައްކަތުން ބައެއް އުނިވެއްޖެ ނަމަ، އެ އޮފީހެއްގެ އިދާރީ އޮނިގަނޑު މުރާޖައާކޮށް ގެންނަން ފެންނަ ބަދަލެއް މި ގަވާއިދުގެ 55 އާއި 56 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން މަސްއޫލު އޮފީހުން ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
(ނ) އޮފީހެއްގެ އޮނިގަނޑު މުރާޖައާ ކުރުމަކުން، އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަގާމުތައް އުވާލާ މުވައްޒަފުން ވަޒީފާއިން ވަތްކެއް ނުކުރެވޭނެއެވެ. އޮފީހުގެ މުރާޖައާ ކުރެވުނު އޮނިގަނޑު ކޮމިށަނުން އެންޑޯސް ކުރުމުން، އޮނިގަނޑުގައި މުވައްޒަފު އަދާ ކުރި ފެންވަރުގެ މަގާމަކަށް މުވައްޒަފުން ބަދަލު ކުރަން ވާނެއެވެ. މުރާޖައާ ކުރެވުނު އޮނިގަނޑުގައި މަގާމުގެ އަދަދު މަދުވުމުގެ ސަބަބުން އެއް މުވައްޒަފަކަށްވުރެ ގިނަ މުވައްޒަފުން އެއް މަގާމަށް ވާދަ ކުރާނަމަ، މުވައްޒަފެއް ހޮވާނީ "މެރިޓް" އުސޫލުންނެވެ.
58 ވަނަ މާއްދާ - މަގާމު އުފެއްދުން
(ހ) ސިވިލް ސަރވިސްގެ މަގާމު އުފައްދާނީ، ކޮމިށަނުންނެވެ. މަގާމު އުފައްދާނީ، ކޮމިށަނުން ފޮނުވާ ލިޔުމަކުންނެވެ.
(ށ) މަގާމެއް އުފައްދަން ބޭނުންވެއްޖެނަމަ، އެކަމަށް ބޭނުންވި އޮފީހަކުން، އެކަމަށް އެދި މަސްއޫލު އޮފީސް މެދުވެރިކޮށް ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
(ނ) މަގާމެއް އުފައްދަން ހުށަހަޅަން ވާނީ، އޮފީހަކަށް އަލަށް މަސައްކަތެއް ހަވާލުވެގެން ނުވަތަ އޮފީހަކުން ކުރަމުން ގެންދާ މަސައްކަތްތައް އިތުރުވުމުގެ ސަބަބުން މަގާމެއް ނުއުފައްދައި ހަމަޖެއްސެން ނެތް ނަމައެވެ.
(ރ) މަގާމެއް އުފައްދަން ހުށަހަޅަން ވާނީ، އިތުރުވެފައިވާ މަގާމު އެ އޮފީހެއްގެ އިދާރީ އޮނިގަނގަޑުގައި ހިމަނައި މަސްއޫލު އޮފީހުން ކޮމިށަނަށް ހުށަހެޅުމުން ކޮމިށަނުން އިދާރީ އޮނިގަނޑު އެންޑޯސް ކުރުމުންނެވެ.
(ބ) މަގާމެއް އުފައްދަން ހުށަހަޅާނީ ތިރީގައިވާ މައުލޫމާތުތަކާ އެކުގައެވެ.
- އޮފީހުގެ އިދާރީ އޮނިގަނޑު (އިތުރު ކުރުމަށް ބޭނުންވާ މަގާމު ފާހަގަ ކޮށްފައިވާ).
- އުފައްދަން ހުށަހަޅާ މަގާމުގެ މުސާރައާއި އިނާޔަތްތައް އެ އިދާރާއެއްގެ ބަޖެޓުގައި ހިމެނިފައިވާކަން ނުވަތަ ނޫންކަން އަދި ބަޖެޓުގައި ހިމެނިފައި ނުވާނަމަ، އެ ހަރަދު ހަމަޖެއްސުމަށް ހުށަހަޅާގޮތް.
- މަގާމުގެ ވަޒީފާ ބަޔާން.
59 ވަނަ މާއްދާ - މަގާމު އުވައިލުން
(ހ) މަގާމު އުވައިލާނީ، ކޮމިށަނުންނެވެ. މަގާމު އުވައިލާނީ ކޮމިށަނުން ފޮނުވާ ލިޔުމަކުންނެވެ.
(ށ) މަގާމެއް އުވައިލަން އޮފީހަކުން ބޭނުންވެއްޖެ ނަމަ، އެކަމަށް ބޭނުންވި އޮފީހަކުން، މަސްއޫލު އޮފީސް މެދުވެރިކޮށް ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
(ނ) އޮފީހުން ކުރަމުންދިޔަ މަސައްކަތެއް ހުއްޓާލައިފިނަމަ، ނުވަތަ އޮފީހުގެ މަސައްކަތުން ބައެއް އުނިވެއްޖެނަމަ، ހުއްޓައިލި ނުވަތަ އުނިވި މަސައްކަތުގެ ބައިގެ ނިސްބަތުން މަގާމު އުނި ކުރަން ވާނެއެވެ. އެ ގޮތަށް، މަސައްކަތުން ބައެއް އުނިކުރެވޭ ހާލަތުގައި، އެ މަސައްކަތެއް ކުރުމަށް އެއް މަގާމަށް ވުރެ ގިނަ މަގާމު އޮތް ނަމަ، އޮނިގަނޑުގައި ބާއްވާނެ މަގާމު ކަނޑައަޅާނީ މަގާމުގެ ބޭނުންތެރި ކަމުގެ މައްޗަށް ބަލައިފައެވެ. އަދި އެ ގޮތަށް، މަސައްކަތުން ބައެއް އުނިކުރެވޭ ހާލަތުގައި، އެ މަސައްކަތެއް ކުރުމަށް އެކަކަށް ވުރެ ގިނަ މީހުން ތިބި ނަމަ، އެ މީހުންގެ ތެރެއިން ބަހައްޓާނެ މީހެއް ނުވަތަ ބައިތިއްބާނެ ބަޔަކު ކަނޑައަޅަނީ މި ގަވާއިދުގެ 75 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާން ކުރާ މެރިޓް އުސޫލުންނެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން މަގާމު އުނި ކުރުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުން، މި ގަވާއިދުގެ 104 ވަނަ މާއްދާ ނުވަތަ 105 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަމަލު ކުރުމަށްފަހު ވަޒީފާއިން ވަކި ކުރަން ވާނެއެވެ.
ޗެޕްޓަރ 6
މުވައްޒަފުންގެ މަގާމުތަކުގެ ގިންތި އާއި ފަންތި
60 ވަނަ މާއްދާ - ތައާރަފު
ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ސިވިލް ސަރވިސްގައި ހިމެނޭ މަގާމުތަކުގެ ފަންތިތައް ކަނޑައަޅައި އެކުލަވައިލާނީ ކޮމިށަނުންނެވެ.
61 ވަނަ މާއްދާ - ވަޒީފާގެ ގިންތި ކަނޑައެޅުން
(ހ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 40 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާ ދޭންވާނީ ތިރީގައި ބަޔާން ކޮށްފައިވާ ގިންތިތަކުގެ ތެރެއިން ގިންތިއަކަށް ފެތޭ ގޮތަށެވެ.
- ދާއިމީ މުވައްޒަފުން
- ވަގުތީ މުވައްޒަފުން
(ށ) ދާއިމީ މުވައްޒަފުންގެ ގިންތީގައި ހިމެނޭ މުވައްޒަފުންނަކީ، ވަޒީފާގެ މުއްދަތު ކަނޑައެޅިފައި ނުވާ އެއްބަސްވުމެއްގެ ދަށުން ވަޒީފާ ދެވޭ ދާއިމީ މުވައްޒަފުންނެވެ.
(ނ) ވަގުތީ މުވައްޒަފުންގެ ގިންތީގައި ހިމެނޭ މުވައްޒަފުންނަކީ ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރެއިން ނުކުންނަ ވަގުތީ ބޭނުންތައް ފުއްދުމަށް، ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތެއް ކުރުމަށް ވަޒީ ފާދެވޭ މުވައްޒަފުންނެވެ.
62 ވަނަ މާއްދާ - މަގާމުތަކުގެ ފަންތި ކަނޑައެޅުން
(ހ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 42 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ސިވިލް ސަރވިސް މުވައްޒަފުންގެ މަގާމުތަކުގެ ފަންތިތައް ކަނޑައަޅާނީ ކޮމިށަނުންނެވެ. މިގޮތުން މަގާމުގެ ފަންތި ކަނޑައަޅާނީ އަންނަނިވި މިންގަނޑުތަކުގެ މައްޗަށެވެ.
- ކޮންމެ ވަޒީފާއެއް ނިސްބަތްވާ ފަންތީގެ ނަން.
- ކޮންމެ ފަންތިއެއްގައި ހިމެނޭ ވަޒީފާތައް އަދާ ކުރާ މުވައްޒަފުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު.
- ކޮންމެ ފަންތިއެއްގައި ހިމެނޭ ވަޒީފާތައް އަދާ ކުރާ މީސްމީހުން އެ ވަޒީފާއަކަށް ވަންނައިރު އެ މީސްމީހުންގެ ކިބައިގައި ހުންނަންޖެހޭ ފެންވަރާއި ތަޖުރިބާ.
(ށ) ސިވިލް ސަރވިސް ގައި ހިމެނޭ ކޮންމެ ވަޒީފާއެއް މި މާއްދާގެ (ހ) ގެ ދަށުން އެކަށައެޅޭ ވަޒީފާތަކުގެ ފަންތީގެ އޮނިގަނޑުގައި ހިމެނޭ ކޮންމެވެސް އެއް ފަންތިއެއްގައި ހިމަނަން ވާނެއެވެ.
63 ވަނަ މާއްދާ - ޒިންމާތަކާ ގުޅޭ ގޮތުން މަގާމަށް ނަން ކިޔުން
ބަޖެޓު ހެދުމުގަޔާއި މުސާރައިގެ ކަންތައްތަކުގަޔާއި މުވައްޒަފުންނާ ބެހޭ ފޯމުތަކުގައި އެއްފަންތިއެއްގައި ހިމެނޭ އެންމެހައި ވަޒީފާތަކާ ގުޅިގެން ބޭނުން ކުރަންވާނީ އެފަންތީގެ ނަން ނުވަތަ އެފަންތިއަކަށް ހެދިފައިވާ ކުރުނަމެއް ނުވަތަ ކޯޑެއް ހެދިފައިވާނަމަ އެކޯޑެކެވެ. މުވައްޒަފުންނާ ބެހޭ ކަންކަމުގައި ބޭނުން ކުރުމަށް އެއްފަންތިއެއްގައި ހިމެނޭ ވަޒީފާތަކަކަށް އެއްނަމެއް، ނުވަތަ އެއްކޯޑެއް ކަނޑައެޅިފައި ވީ ނަމަވެސް، މަސައްކަތުގެ ދާއިރާގައި ބޭނުންކުރާ ރަސްމީ ނަމުގެ ގޮތުގައި އެފަންތީގައި ހިމެނޭ ތަފާތު ވަޒީފާތަކަށް އެކި ނަންނަން ކޮމިށަނަށް ކަނޑައެޅި ދާނެއެވެ.
64 ވަނަ މާއްދާ - ފަންތީގެ އޮނިގަނޑުގައި މަގާމު ހިމެނުން
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއް އެއްވެސް މީހަކަށް ހަމަޖެއްސުމުގެ ކުރިން ސިވިލް ސަރވިސްގައި ހިމެނޭ ވަޒީފާތަކުގެ ފަންތީގެ އޮނިގަނޑުގައި އެ ވަޒީފާއެއް ހިމެނިފައި އޮންނަން ވާނެއެވެ.
(ށ) އުސޫލެއްގެ ގޮތުން އެއްބާވަތެއްގެ މަސައްކަތްތަކާއި މަސްއޫލިއްޔަތާއި، ވާޖިބުތައް ހިމެނޭ، އަދި މަސައްކަތުގެ ބުރަކަން ދާދި ހަމަހަމަ ވަޒީފާތައް އެއްފަންތިއަކަށްލުމަށް ކޮމިށަނުން ބާރު އަޅަން ވާނެއެވެ. އަދި އެއްފަންތިއެއްގައި ހިމެނޭ ވަޒީފާތަކަށް މީހުން ހޮވުމުގަޔާއި މުސާރަޔާއި އިނާޔަތްތައް ކަނޑައެޅުމުގައި އެއްފަންތިއެއްގައި ހިމެނޭ ހުރިހައި ވަޒީފާތަކާ ގުޅިގެން އަމަލު ކުރަން ވާނީ އެއް އުސޫލަކުން އިންސާފުވެރިކަމާ ހަމަހަމަ ކަމާ އެކުގައެވެ. ނަމަވެސް އެ އޮނިގަނޑެއްގެ ގޮތުން މީހުން ހޮވުމުގަޔާއި، މުސާރަޔާއި އިނާޔަތްތައް ކަނޑައެޅުމުގައި ގެންނަންޖެހޭ ތަފާތު ގެނައުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
65 ވަނަ މާއްދާ - ފަންތި ބަދަލު ކުރުން
އޮފީހުގެ އިދާރީ ހިންގުމަށް ގެންނަ ބަދަލަކާ ގުޅިގެން ނުވަތަ އައު ވަޒީފާއެއް އުފައްދަން ޖެހުމާ ގުޅިގެން، ނުވަތަ މުވައްޒަފުގެ މަސްއޫލިއްޔަތާއި ވާޖިބުތަކަށް ބަދަލު ގެންނަން ޖެހިގެން، އެ ވަޒީފާއެއްގެ ފަންތި ބަދަލު ކުރަން ޖެހިއްޖެނަމަ ބަދަލު ކުރާނީ ކޮމިށަނުން ކަނޑައަޅާ އުސޫލެއްގެ ދަށުން ޒިންމާދާރު އިސްވެރިޔާއެވެ.
66 ވަނަ މާއްދާ - ފަންތި އިސްލާހު ކުރުން
ސިވިލް ސަރވިސްގެ ވަޒީފާތަކުގެ ފަންތީގެ އޮނިގަނޑަށް އެއްވެސް އިސްލާހެއް ގެންނަން ޖެހޭކަމަށް ސިވިލް ސަރވިސްގެ ދާއިމީ ގިންތީގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ފެނިއްޖެނަމަ ނުވަތަ އެ މީހެއްގެ ވަޒީފާ ހިމެނިފައިވަނީ އެންމެ ރަނގަޅު ފަންތީގައި ނޫންކަމަށް ފެންނަނަމަ ނުވަތަ އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބުތަކަށް ބޮޑު ބަދަލެއް އަތުވެއްޖެނަމަ ޕަރމަނަންޓް ސެކްރެޓަރީއަށް ނުވަތަ ޒިންމާދާރު އިސްވެރިޔާއަށް ހުށަހަޅައި ހައްލެއް ނުލިބިއްޖެނަމަ، އެކަމެއް ކޮމިށަނަށް ހުށަހެޅުމުގެ ހައްގު ކޮންމެ މުވައްޒަފަކަށްމެ ލިބިގެންވެއެވެ. ނަމަވެސް ޕްރޮބޭށަންގައި ތިބޭ މުވައްޒަފުންނަށާއި، ވަގުތީ ގިންތީގައި ހިމެނޭ މުވައްޒަފުންނަށް، އެ މީސްމީހުންގެ ވަޒީފާތަކުގެ ފަންތިއާ ބެހޭ ގޮތުން އިލްތިމާސް ކުރުމުގެ ހައްގު ލިބިގެން ނުވެއެވެ.
67 ވަނަ މާއްދާ - ވަޒީފާތަކުގެ އޮނިގަނޑާއި ށަރުތު ކަނޑައެޅުން
ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަޒީފާތަކުގެ އޮނިގަނޑުތައް މަސްއޫލު އޮފީސްތަކުގެ ލަފާގެ މަތީން ސިވިލް ސަރވިސް ކޮމިށަނުން އެކުލަވައިލައި، މަގާމުތަކުގެ ށަރުތު ކަނޑައަޅައި އާންމު ކޮށްފައި ހުންނަން ވާނެއެވެ. އަދި އަލަށް އުފައްދާ ވަޒީފާތަކުގެ އޮނިގަނޑުތައް އާންމު ކުރަން ވާނެއެވެ.
ޗެޕްޓަރ 7
ސިވިލް ސަރވިސްގެ ވަޒީފާއަށް އައްޔަން ނުކުރެވޭނެ ފަރާތްތައް
68 ވަނަ މާއްދާ - ތައާރަފު
ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އައްޔަން ކުރެވޭ މީހުންގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް ކަމުގައި ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި، އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް ހެދުން އަދި ހިޔާނާތް ފަދަ ބޮޑު ކުށެއް ކުރިކަން، ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި، ށަރީއަތަށް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން ކަމަށް ބަޔާން ކޮށްފައި އޮތުމުން، ސިވިލް ސަރވިސްގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ކުށްތައް ފިޔަވައި އެނޫން ބޮޑެތި ކުށްތަކަކީ ކޮބައިކަމާއި، އަދި އެފަދަ ކުށެއް ކޮށްފައިވާ މީހަކަށް ވަޒީފާ ދިނުމާއި ނުދިނުމުގައި އަމަލު ކުރާނޭ ގޮތާއި، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) ވަނަ ނަންބަރުގައި ވަޒީފާއަށް އައްޔަން ކުރުމުގައި ސިއްހީގޮތުން ވަޒީފާ އަދާ ކުރެވޭވަރު ނުވާ މީހުންނާއި، އަހުލާގީ މިންގަ ނޑާއި، ގައުމީ ސަލާމަތާ ގުޅޭ ގޮތުން ބަލަންޖެހޭ މިންގަ ނޑުތަކަށް ފެތޭ މީހެއްތޯ ބަލައި އަމަލު ކުރަންޖެހޭ ގޮތް މި ޗެޕްޓަރު ގައި ހިމަނާފައި ވާނެއެވެ.
69 ވަނަ މާއްދާ - ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް މީހުން އައްޔަން ނުކުރެވޭ ކުށްތަކާއި އައްޔަން ނުކުރެވޭ މުއްދަތު
(ހ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޓެކުން، މަކަރާއި ހީލަތް ހެދުން، ހިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ށަރީއަތަށް ސާބިތުވެފައިވާ މީހެއްކަމަށް ވާނަމަ، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަކަށް އައްޔަން ނުކުރެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ކުށްތަކުގެ އިތުރުން މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ޖިނާއީ ބޮޑެތި ކުށް ކަމުގައި ބެލެވޭ ކުށެއް ކުރިކަން ވޭތުވެ ދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި، ށަރީއަތަށް ސާބިތުވެފައިވާ މީހެއް ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަކަށް އައްޔަން ނުކުރެވޭނެއެވެ.
(ނ) ތުހުމަތު ކުރެވިފައިވާ ކުށުގެ ބާވަތުން އެ ކުށަކާ އެ ވަޒީފާއާ ހުރި ގުޅުމަށް ރިއާޔަތްކޮށް މީހާގެ އަހުލާގީ މިންގަ ނޑާއި ގައުމީ ސަލާމަތާ ގުޅޭ ގޮތުން ބަލަންޖެހޭ މިންގަ ނޑުތަކަށް ފެތޭ މީހެއް ކަމުގައި ނުވާނަމަ، އެ މީހަކަށް ސިވިލް ސަރވިސްގެ ވަޒީފާ ނުދިނުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ރ) ވަޒީފާއަށް އައްޔަން ކުރެވޭ މީހާއަކީ، ވަޒީފާ އަދާ ކުރެވޭ ވަރުގެ ސިއްހަތެއްގައި ހުރި މީހެއް ކަމުގައި ނުވާނަމަ، އެފަދަ މީހަކަށް ސިވިލް ސަރވިސްގެ ވަޒީފާ ނުދިނުމުގެ އިހުތިޔާރު ކޮމިށަނަށް ނުވަތަ އެޗް.އާރު.އެމް.ޑީ ކޮމިޓީއަށް ލިބިގެންވެއެވެ. ވަޒީފާ އަދާ ކުރެވޭ ވަރުގެ ސިއްހަތެއްގައި ނެތްކަމަށް ބެލުމުގައި އެ މީހެއްގެ ކިބާގައި ހުރި ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރި ކަމަކަށް ބަލައިގެން ނުވާނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގާނޫނުގައިވާ ގޮތުގެ މަތީން ލިބިދެވޭ ވަޒީފާ އަދާ ކުރުމުގެ ހައްގު އެއްވެސް ތަފާތެއް ކުރުމަކާ ނުލައި ފުރިހަމައަށް ލިބިދޭން ވާނެއެވެ.
70 ވަނަ މާއްދާ - އިސްލާމްދީނުގައި ހައްދު ކަނޑައެޅިގެންވާ ކުށްތައް
ހައްދުތަކަކީ، އިސްލާމީ ށަރީއަތުގައި ވަކިކަހަލަ ކުށްތަކަކަށް ކަނޑައަޅާފައިވާ އަދަބުތަކެކެވެ. މިއަދަބުތައް ކަނޑައަޅާފައި ވަނީ، الله ގެ ހައްގުތައް ރައްކާތެރި ކުރުމަށްޓަކައެވެ. ހައްދުގެ ކުށްތައް ތިރީގައި ބަޔާން ކޮށްފައި މިވަނީއެވެ.
(ހ) ދީނުންބޭރުވެ މުރުތައްދުވުމުގެ ކުށް.
(ށ) ވައްކަން ކުރުމުގެ ކުށް.
(ނ) ޒިނޭ ކުރުމުގެ ކުށް.
(ރ) ޒިނޭގެ ތުހުމަތުއަޅުވައި ގަޒްފު ކުރުމުގެ ކުށް.
(ބ) ރާބުއިމުގެ ކުށް.
(ޅ) މުހާރަބާ ނުވަތަ ބިމުގައި ފަސާދަ ކުރުމުގެ ކުށް.
71 ވަނަ މާއްދާ - ޖިނާއީ ބޮޑެތި ކުށްތައް ކަމުގައި ބެލެވޭ ކުށްތައް
ޖިނާއީ ބޮޑެތި ކުށްތަކަކީ، ޖިނާއީ ކުށްތަކުގެ ތެރެއިން ކުށުގެ ބާވަތާއި ޒާތަށް ބަލާއިރު، ކުށުގެ އަމަލުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި މާލީގޮތުން އަދި އިޖުތިމާއީ ގޮތުން ބޮޑެތި ގެއްލުންތައް ކުރިމަތި ކުރުވާ، ގާނޫނުލް އުގޫބާތުގައި އަދި އެނޫން ގާނޫނުތަކުގައި ބޮޑެތި އަދި ހަރުކަށި އަދަބު ކަނޑައެޅިފައި ހުންނަ ކުށް ކުށެވެ. ތިރީގައި މިވަނީ މި ގަވާއިދުގައި ޖިނާއީ ބޮޑެތި ކުށް ކަމަށް މި ގަވާއިދުގެ ބޭނުމަށް ބެލުމަށް ހަމަޖެހިފައިވާ ކުށްތަކެވެ. އަދި ގާނޫނު ނަންބަރު 9/2014 (ގާނޫނުލްއުގޫބާތުގެ ގާނޫނު) އަށް އަމަލު ކުރަން ފެށުމުން އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކުށްތަކާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތީން ބޮޑެތި ކުށެއް ކަމުގައި ބެލޭނެ ކޮންމެ ކުށަކީ މި ގަވާއިދުގެ ބޭނުމަށް ބޮޑެތިކުށް ކަމުގައި ބެލެވޭނެ ކުށްތަކެވެ.
(ހ) ޖިނާޔަތު (ގަސްތުގައި މީހުން މެރުމާއި، މީހަކު މެރުމުގައި ބައިވެރިވުމުގެ) ކުށް. ޖިނާޔަތަކީ، ހައްގަކާނުލައި، މީހެއްގެ ފުރާނަޔަށް، ނުވަތަ ނަފްސަށް، ގިސާސްހިފުން ވާޖިބުވާފަދަ ކަމެއް ކުރުން، ނުވަތަ އެފަދަ އަމަލެއްގެ ސަބަބުން، މުދަލެއް )ދިޔަ( ދިނުން ވާޖިބުވާ ފަދަ ކަމެއް ކުރުމެވެ.
(ށ) މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމާއި، މަސްތުވާތަކެތި ވިއްކުމާއި، މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށް.
(ނ) ބޮޑެތި މާރާމާރީގެ ކުށް (ބޮޑެތި މާރާމާރީގެ ކުށެއް ކަމުގައި ބަލާނީ، ގާނޫނުލް އުގޫބާތުގެ ޗެޕްޓަރު 4 ގެ 127 ،128 އަދި 129 ވަނަ މާއްދާގައި ބުނެފައިވާ ތޫނު އެއްޗަކާއެކު މާރާމާރީގައި ބައިވެރިވުމާއި، މީހެއްގެ ހަށިގަ ނޑަށް ނުރައްކާތެރި ހާނިއްކައެއް ލިބޭގޮތަށް ހިންގާ ކޮންމެ މާރާމާރީއެކެވެ. އަދި މިނޫނަސް ކޯޓުތަކުން ބޮޑެތި މާރާމާރީގެ ކުށެއް ކަމުގައި ކަނޑައަޅާ ކޮންމެ ކުށެއް، ބޮޑެތި މާރާމާރީގެ ކުށް ކަމުގައި ބެލެވޭނެއެވެ.)
(ރ) މަކަރާއި ހީލަތުގެ ކުށް.
(ބ) ޓެކުމުގެ ކުށް.
(ޅ) ފޭރުމުގެ ކުށް.
(ކ) ރިށްވަތު ދިނުމާއި ރިށްވަތު ހިފުމުގެ ކުށް.
(އ) ޓެރަރިޒަމުގެ ކުށް.
(ވ) ޣައިރުގާނޫނީ އެއްވުމުގެ ކުށް.
(މ) ކައުންޓަރފީޓް ކުރުމުގެ ކުށް.
(ފ) ފޯޖް ކުރުމުގެ ކުށް.
(ދ) އޮރިޔާންކާޑު އުފެއްދުމާއި ގެންގުޅުމާއި ވިއްކުމާއި ބެހުމާއި އަތުގައި ބެހެއްޓުމުގެ ކުށް.
(ތ) އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށް.
(ލ) ބާލިޣުނުވާ ކުޑަކުދިންނާ ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށް. (މީގެ ތެރޭގައި 18 އަހަރުންދަށުގެ ކުދިންނާ ހިންގޭ ބަދު އަހުލާގީ އަމަލު ހިމެނޭ)
(ގ) ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމާއި ގަދަކަމުން ޒިނޭ ކުރުމުގެ ކުށް.
(ޏ) ބޮޑެތި ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށް.
(ސ) ދިވެހި ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން، އަދަބު ކަނޑައެޅޭ އެންމެހައި ކުށް.
(ޑ) ސްޓޭމްޕް ނުވަތަ ސަރުކާރުގެ ސިއްކައާބެހޭ އެންމެހައި ކުށް.
(ޒ) ދޮގު ހެކި ދިނުމާއި، ދޮގު ހުވާ ކުރުމާއި، އަދިވެސް ށަރީއަތާއި ގާނޫނު ކުރިމަތީގައި ކުރެވޭ އަދަބު ކަނޑައެޅޭ ކުށް.
(ޓ) ޖިނާއީ އެއްވެސް ކުށެއްގެ އަދަބެއްގެ ގޮތުގައި ދިނުމަށް ގާނޫނުގައި ބުނެފައިވާ އަދަބުތަކުގެ ތެރެއިން 6( ހަޔެއް( މަހަށްވުރެ ދިގު މުއްދަތަކަށް ޖަލަށް ލުމަށް ނުވަތަ އަރުވާލުމަށް ނުވަތަ ގޭ ބަންދު ކުރުމަށް ށަރީއަތުން ކަނޑައަޅައިފައިވާ ނަމަ، އެފަދަ ކުށްތަކާއި، އެއްކުށެއް ތަކުރާރުކޮށް ސާބިތުވުމާ ގުޅިގެން، އެކުށުގެ އަދަބެއްގެ ގޮތުން 6( ހަޔެއް( މަހަށް ވުރެ ދިގު މުއްދަތަކަށް ޖަލަށް ލުމަށް ނުވަތަ އަރުވާލުމަށް ނުވަތަ ގޭ ބަންދު ކުރުމަށް ށަރީއަތުން ކަނޑައަޅާ ކޮންމެ ކުށެއް.
72 ވަނަ މާއްދާ - ދިވެހި ސިވިލް ސަރވިސްގެ ވަޒީފާ ދިނުމާއި ނުދިނުމުގައި ކުށްތަކާމެދު ބެލެވޭނެ ގޮތް
(ހ) ސާބިތުވެފައިވާ ކުށުގެ ސަބަބުން، ދާއިމީކޮށް ނުވަތަ 5( ފަހެއް( އަހަރަށް ވުރެ ދިގު މުއްދަތަކަށް ބައެއް ބާވަތުގެ ވަޒީފާތަކަށް އެކުށާއި ވަޒީފާއާ ހުރި ގުޅުމަށް ރިއާޔަތްކޮށް، މި މާއްދާގައިވާ ގޮތުގެ މަތީން ވަޒީފާ ނުދިނުމަށް ނިންމުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. ކުށުގެ އަމަލުގެ ސަބަބުން އެކުށާއި އެ ވަޒީފާއާ ހުރި ގުޅުމަށް ރިއާޔަތްކޮށް، ވަޒީފާ ނުދިނުމަށް ނިންމިދާނެ ވަޒީފާތައް ތިރީގައި އެވަނީއެވެ.
- ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށާއި، ކުޑަކުދިންނާ ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށާއި، އެއްޖިންސުން ޖިންސީގުޅުން ހިންގުމުގެ ކުށް އަދި މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށާ ގުޅިގެން، ތައުލީމީ ހިދުމަތްދޭ ތަންތަނާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި އަދި އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ ތަންތާނގެ ވަޒީފާތައް.
- ކޮއިން ނުވަތަ ނޫޓް ކައުންޓަރފީޓް ކުރުމުގެ ކުށާއި، ވައްކަން، ޓެކުން، މަކަރާއި ހީލަތްހެދުން، ހިޔާނާތް، ރިށްވަތުގެ އަމަލުހިންގުމުގެ ކުށާ ގުޅިގެން، ދައުލަތުގެ ފައިސާއާއި ތަކެތި ބެލެހެއްޓުމާބެހޭ ވަޒީފާތައް.
- ދޮގުހެކި ދިނުމާއި، ދޮގުހުވާ ކުރުމާއި، އަދިވެސް ށަރީއަތާއި ގާނޫނުގެ ކުރިމަތީގައި ކުރެވޭ އަދަބު ކަނޑައެޅޭ ކުށުގެ އަމަލު ހިންގުމުގެ ކުށާ ގުޅިގެން، ގާނޫނީ އެއްވެސް ދާއިރާއެއްގެ ވަޒީފާ.
- މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށާ ގުޅިގެން ފާރމަސީ، ބޭސްގުދަން، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ތަންތަނާއި، ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އެންމެހައި ވަޒީފާތައް.
- މަސްތުވާތަކެތި އެތެރެ ކުރުމާއި ވިޔަފާރި ކުރުމުގެ ކުށާ ގުޅިގެން، ރާއްޖެއަށް އެތެރެކުރާ މުދަލާއި ތަކެތި ޗެކްކޮށް ދޫ ކުރުމުގެ މަސައްކަތް ހިންގާ އޮފީސްތަކުގެ ވަޒީފާތަކާއި ފާރމަސީއާއި ބޭސްގުދަނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ތަންތަނާއި ސިއްހީ ފަރުވާދޭ ތަންތަން އަދި ކަނޑުގެ މަގުންނާއި ވައިގެ މަގުން ދަތުރު ކުރާ އުޅަނދުފަހަރުގެ ވަޒީފާތައް.
- ގައުމީ ސަލާމަތާގުޅޭ ކުށެއް ހިންގުމާ ގުޅިގެން، ގައުމީ ސަލާމަތާބެހޭ ސިވިލް ސަރވިސްގެ އެއްވެސް ދާއިރާއެއްގެ ވަޒީފާއެއް.
- ސާބިތު ވެފައިވާ ކުށުގެ އަމަލާ ވަޒީފާއާ ސީދާ ގޮތުން ހުރި ގުޅުމަށް ރިއާޔަތްކޮށް ވަޒީފާ އަދާ ކުރާ ތަނާއި، ހިދުމަތް ލިބިގަންނަ ފަރާތްތަކާއި އަދި އެތަނުގައި ވަޒީފާ އަދާ ކުރާ އެހެން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތްކޮށް، އަދި ސާބިތުވެފައިވާ ކުށުގެ އަމަލުގެ ސަބަބުން އެ މީހެއްގެ މައްޗަށް އިތުބާރު ނެތުން ފަދަ ކުށާ ގުޅިގެން ވަށައިގެން ހުރި އެންމެހައި ކަންކަމަށް ބަލައި ވަޒީފާ ދިނުމަށް އިއުތިރާޒް ކުރެވިދާނެ އެންމެހައި ވަޒީފާތައް.
(ށ) މި ގަވާއިދުގެ 70 ވަނަ މާއްދާގެ (ށ) ގައިވާ ކުށެއްގެ އަދަބަކީ 5 (ފަހެއް) އަހަރު ދުވަހަށްވުރެ ދިގު މުއްދަތުގެ އަދަބަކަށްވެފައި، ހުކުމް ކުރިފަހުން 5 (ފަހެއް) އަހަރު ދުވަސް ވިނަމަވެސް، އެހުކުމުގެ އެއްވެސް މިންވަރެއް ތަންފީޒު ކުރަން ބާކީ އޮތް ކަމުގައި ވާނަމަ، އެފަދަ މީހެއް ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އައްޔަނެއް ނުކުރެވޭނެއެވެ.
(ނ) މި ގަވާއިދުގެ 70 ވަނަ މާއްދާގެ (ށ) ގައިވާ ކުށެއްގެ ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ގާނޫނުގައިވާ ގޮތުގެ މަތީން މައާފު ދެވުނު ކަމުގައި ވީނަމަވެސް، ކުށް ސާބިތު ވިތާ 5 (ފަހެއް) އަހަރު ނުވާ ކަމުގައި ވާނަމަ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 41 ވަނަމާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ބޭނުމަށް ބަލާނީ ކުށް ސާބިތުވިފަހުން 5 (ފަހެއް) އަހަރު ނުވާކަމުގައެވެ.
(ރ) މި ގަވާއިދުގައިވާ ކުށްތަކުގެ މުއްދަތާގުޅޭ މައްސަލަތަކުގައި އަހަރު ބަލާނީ އަދި މުއްދަތު ގުނާނީ މީލާދީ ކަލަންޑަރުންނެވެ.
(ބ) މި ގަވާއިދުގެ ބޭނުމަށް ކުށް ސާބިތުވި ތާރީހު ގުނަން ފަށާނީ، އެންމެ ފުރަތަމަ އެކުށެއް ސާބިތުވިކަމަށް ކޯޓުން ކަނޑައަޅައި ހުކުމް ކޮށްފައިވާ ތާރީހަކުން ފެށިގެންނެވެ.
73 ވަނަ މާއްދާ - ތުހުމަތުކުރެވިފައިވާ ކުށަށް ރިއާޔަތްކޮށް އަދި ގައުމީ ސަލާމަތަށް ރިއާޔަތްކޮށް ވަޒީފާ ނުދިނުން
(ހ) މީހާގެ އަހުލާގީ މިންގަ ނޑަށް ބެލުމުގައި ތުހުމަތުކުރެވިފައިވާ ކުށުގެ އަމަލާއި ނުވަތަ އަޅައިފައިވާ އިދާރީ ފިޔަވަޅާއި ވަޒީފާއާ ސީދާ ގޮތުން ހުރި ގުޅުމަށް ރިއާޔަތްކޮށް ވަޒީފާ އަދާކުރާ ތަނާއި، ހިދުމަތް ލިބިގަންނަ ފަރާތްތަކާއި އަދި އެތަނުގައި ވަޒީފާއަދާ ކުރާ އެހެން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތްކޮށް، އަދި ތުހުމަތުކުރެވިފައިވާ ކުށުގެ އަމަލުގެ ނުވަތަ އަޅައިފައިވާ އިދާރީ ފިޔަވަޅުގެ ސަބަބުން އެ މީހެއްގެ މައްޗަށް އިތުބާރު ނެތުން ފަދަ ކުށާ ގުޅިގެން ވަށައިގެން ހުރި އެންމެހައި ކަންކަމަށް ބަލައި ވަޒީފާ ދިނުމަށް އިއުތިރާޒް ކުރެވިދާނެ އެންމެހައި ވަޒީފާތައް ކުށުގެ ތުހުމަތާ ގުޅިގެން ނުވަތަ އެފިޔަވަޅާ ގުޅިގެން ލިބިފައިވާ ހެތްކާއި ގަރީނާތައް ވަޒަންކޮށް ވަގުތީ ގޮތުން ނުވަތަ ދާއިމީކޮށް ވަޒީފާ ނުދިނުމަށް ނިންމުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) ގައުމީ ސަލާމަތާ ގުޅޭ ގޮތުން ބަލަންޖެހޭ މިންގަ ނޑުތަކަށް ބަލައި އެ ވަޒީފާއާ މީހާއާ ހުރި ގުޅުމަށް ރިއާޔަތް ކުރުމާއެކު، ކުށުގެ ތުހުމަތާ ގުޅިގެން ލިބިފައިވާ ހެތްކާއި ގަރީނާތައް ވަޒަންކޮށް މި މާއްދާގައިވާ ގޮތުގެ މަތީން ވަގުތީ ގޮތުން ނުވަތަ ދާއިމީކޮށް ވަޒީފާ ނުދިނުމަށް ނިންމުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
- ގައުމީ ސަލާމަތާގުޅޭ ކުށެއް ކޮށްފައިވާކަމަށް ކުރެވިފައިވާ ތުހުމަތާ ގުޅިގެން، ގައުމީ ސަލާމަތާބެހޭ ސިވިލް ސަރވިސްގެ އެއްވެސް ދާއިރާއެއްގެ ވަޒީފާއެއް.
- ސަލާމަތީ ހިދުމަތުގެ ދާއިރާގައި ނުވަތަ ގައުމުގެ ސަލާމަތާ ގުޅޭ ދާއިރާއެއްގެ ހިދުމަތުގައި ހުއްޓާ ގައުމުގެ ސަލާމަތަށް ނުރައްކާތެރި ކަމެއް/ކުށެއް ކޮށްފައިވާކަމަށް ކުރެވިފައިވާ ތުހުމަތާ ގުޅިގެން، ގައުމީ ސަލާމަތާބެހޭ ސިވިލް ސަރވިސްގެ އެއްވެސް ދާއިރާއެއްގެ ވަޒީފާއެއް.
ޗެޕްޓަރ 8
ވަޒީފާ ދިނުމާއި ވަޒީފާ ބަދަލު ކުރުމާއި ވަޒީފާއިން ވަކިކުރުން
74 ވަނަ މާއްދާ - ތައާރަފު
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 182 ވަނަ މާއްދާގެ (ހ) ގެ 1 އަދި 4 ވަނަ ނަންބަރުާއި ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) އާއި އަދި އެ ގާނޫނުގެ 37 އަދި 38 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަކަށް މީހުން ހޯދުމާއި، ވަޒީފާ ދިނުމާއި، އެއް ވަޒީފާއިން އަނެއް ވަޒީފާއަށް ބަދަލު ކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި ވަޒީފާއިން ވަކި ކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ، ސިވިލް ސަރވިސް ކޮމިށަނަށެވެ.
(ށ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގައިވާ ގޮތުގެ މަތީން، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޯދުމާއި، ވަޒީފާ ދިނުމާއި، އެއް ވަޒީފާއިން އަނެއް ވަޒީފާއަށް ބަދަލު ކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި ވަޒީފާއިން ވަކި ކުރުމުގައި އަމަލު ކުރާނީ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި މި ގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ނ) މި މާއްދާ މިހެން އޮތުމަކުން، ގާނޫނުއަސާސީންނާއި، ގާނޫނުން ސިވިލް ސަރވިސް ކޮމިށަނަށް ދީފައިވާ ބާރެއްގެ ނުވަތަ އިހުތިޔާރެއް ހަންޏެއް ނުވެއެވެ. އަދި އެއިން ބާރެއް ނުވަތަ އިހުތިޔާރެއްގެ ދަށުން، ކޮމިށަނުން، ވަޒީފާ ދިނުމާއި ވަޒީފާ ބަދަލު ކުރުމާއި ވަޒީފާ ގެ ކުރިއެރުން ދިނުމާއި ވަޒީފާއިން ވަކި ކުރުމުގައި ވަކި ގޮތަކަށް ނިންމައިފި ނުވަތަ އަމަލުކޮށްފި ކަމެއްގެ ސައްހަ ކަމަކަށް އުނިކަމެއް ނާންނާނެއެވެ.
75 ވަނަ މާއްދާ - ވަޒީފާއަށް އައްޔަން ކުރުމުގެ އަސާސީ އުސޫލުތައް
(ހ) ދިވެހި ސިވިލް ސަރވިސްގެ މަގާމަކަށް އެއްވެސް މީހަކު ހޯދަންވާނީ ނުވަތަ އައްޔަން ކުރަން ވާނީ، ނުވަތަ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ދޭންވާނީ، ނުވަތަ މުވައްޒަފެއްގެ މަގާމު ބަދަލު ކުރަންވާނީ ނުފޫޒާއި ތައައްސުބުން އެއްކިބާވެ، ވަކިން ހާއްސަކޮށް، ސިޔާސީ ނުފޫޒުން އެކަހެރި ވެފައިވާ ގޮތެއްގައި، މެރިޓަކީ އަސާސީ މިންގަ ނޑު ކަމަށް ބަލައިގެންނެވެ. ހަމަ އެހެންމެ، މަގާމެއް އުފައްދަން ވާނީ، ނުވަތަ މަގާމެއް އުވާލަން ވާނީ، ނުވަތަ މަގާމަކުން މުވައްޒަފެއް ވަކި ކުރަން ވާނީ ވެސް ނުފޫޒާއި ތައައްސަބުން އެއްކިބާވެ، ވަކިން ހާއްސަކޮށް، ސިޔާސީ ނުފޫޒުން އެކަހެރިވެ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) އަސާސީ މިންގަ ނޑަކީ، ''މެރިޓް'' ކަމަށް ބަލައިގެން ވަޒީފާ ދިންކަމަށް ނުވަތަ މަގާމުގެ ކުރިއެރުން ދިންކަމަށް ނުވަތަ ވަޒީފާ ބަދަލު ކުރިކަމަށް ބެލެވޭނީ، އެ މުވައްޒަފެއް އައްޔަން ކުރެވިފައި ވަނީ، ތިރީގައިވާ ގޮތަށް ކަމަށް ވާނަމައެވެ.
- އައްޔަން ކުރެވުނު ނުވަތަ މަގާމުގެ ކުރިއެރުން ދެވުނު ނުވަތަ ބަދަލުކުރެވުނު މީހަކީ، އެ ވަޒީފާގެ ށަރުތުތައް ފުރިހަމަވާ މީހަކު ކަމުގައިވުން.
- އައްޔަން ކުރެވުނު މީހަކީ ނުވަތަ މަގާމުގެ ކުރިއެރުން ދެވުނު މީހަކީ ނުވަތަ މަގާމު ބަދަލުކުރެވުނު މީހަކީ، އެ މީހެއްގެ ތައުލީމީ ފެންވަރަށް، މަސައްކަތުގެ ހުނަރަށް އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން އައްޔަން ކުރެވުނު ނުވަތަ މަގާމުގެ ކުރިއެރުން ދެވުނު، ނުވަތަ ބަދަލު ކުރެވުނު މީހަކު ކަމުގައިވުން.
- މުވައްޒަފުންނަށް ވަޒީފާ ދިނުމުގައި ކަން ކުރަނީ، އަދުލުވެރިކަމާ އިންސާފުވެރިކަމާއެކު ދިވެހި އެންމެހައި ރައްޔިތުންނަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވުމަށް ހަމަހަމަ އުސޫލަކުން ފުރުސަތު ލިބޭނެ ގޮތަކަށް ކަން ޒިންމާދާރު އިސްވެރިންނާއި ކޮމިށަނުން ޔަގީން ކުރުން.
76 ވަނަ މާއްދާ - ވަޒީފާގެ ބަޔާން
(ހ) ސިވިލް ސަރވިސް ގެ ކޮންމެ މަގާމަކަށް ވަޒީފާ ބަޔާނެއް އޮންނަން ވާނެއެވެ. އެ ވަޒީފާ ބަޔާނަކީ އެ މަގާމެއްގެ މައިގަ ނޑު މަސްއޫލިއްޔަތާއި ޒިންމާތައް ބަޔާން ކުރާ ބަޔާނެކެވެ. އެ ބަޔާނުގައި ބަޔާން ކުރެވިފައި ނެތަސް އެ މީހެއް ވަޒީފާއާ ގުޅޭ ގޮތުން، ނުވަތަ ހާއްސަ ހާލަތެއްގައި މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން އެ މީހަކު ވަޒީފާ އަދާ ކުރާ އިދާރާއެއްގެ ނުވަތަ ހިދުމަތެއްގެ މަސައްކަތުގެ ތެރެއިން އެ މީހެއްގެ ގާބިލުކަން ތަންދޭ ކަމެއް، ވަގުތީ ގޮތުން ކުރުމަށް، ޒިންމާދާރު އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކޮށްފި ނަމަ، އެ ކަމެއް ވީ އެންމެ ރަނގަޅަކަށް ކުރުމަކީ، އަދި އެ ފަދަ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދިނުމަކީ އެ މުވައްޒަފަކަށް ވާޖިބުކަމެކެވެ. މުވައްޒަފާ ވަޒީފާ ހަވާލު ކުރާއިރު، އެ އޮފީހުގެ ޒިންމާދާރު އިސްވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއް، އެ މުވައްޒަފެއްގެ ވަޒީފާ ބަޔާން، އޮޅުން ފިލުވައިދީ، ވަޒީފާ ދިންކަން އަންގާ ދުވަހު އޭނާ ލައްވައި ވަޒީފާ ބަޔާނުގައި ސޮއި ކުރުވަން ވާނެއެވެ.
(ށ) ވަޒީފާ ބަޔާން ތައްޔާރު ކުރެވިފައި އޮންނަން ވާނީ މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ "ވަޒީފާ ބަޔާން" ގެ ނަމޫނާގައި ވާ ބައިތައް ހިމަނައިގެންނެވެ.
(ނ) މުވައްޒަފެއްގެ މަގާމުގެ މަސައްކަތަށް ބަދަލެއް ގެނެސްފިނަމަ ނުވަތަ ބަދަލެއް އަތުވެއްޖެނަމަ އެއައި ބަދަލަކާ ގުޅޭ ގޮތުން އެ މުވައްޒަފުގެ ވަޒީފާ ބަޔާނަށް ބަދަލު ގެންނަން ވާނެއެވެ.
77 ވަނަ މާއްދާ - ވަޒީފާ ދިނުން
(ހ) ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް މީހުން އައްޔަން ކުރާނީ، ސިވިލް ސަރވިސް ކޮމިށަނުންނެވެ. ނުވަތަ ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ވަޒީފާއަށް މީހުން އައްޔަން ކުރުން ނުވަތަ ވަޒީފާއަށް މީހުން އައްޔަން ކުރުމުގެ މަސައްކަތުން ބައެއް ކުރުމަށް، ކޮމިށަނުން ހަވާލު ކޮށްފައިވާ
ފަރާތަކުންނެވެ.
(ށ) ސިވިލް ސަރވިސްގެ މަގާމަކަށް މީހަކު ލައްވަން ބޭނުން ވެއްޖެނަމަ، ކަނޑައެޅިފައިވާ އުސޫލުތަކާއި މިންގަ ނޑުތަކުގެ މަތީން، އެ މަގާމަކަށް އެންމެ އެކަށީގެންވާ މީހާ ހޮވުމަށްފަހު، އެ މީހަކަށް ވަޒީފާ ހަމަޖެއްސުމަށް ނުވަތަ ވަޒީފާ ބަދަލު ކުރުމަށް މަސްއޫލު އޮފީހުން ކޮމިށަނަށް ނުވަތަ އެ މަސައްކަތް ކޮމިށަނުން ހަވާލު ކޮށްފައިވާ ފަރާތަކަށް ހުށަހަޅާނީ، މި މަސައްކަތް ކުރުމަށް ކޮމިށަނުން ފަރުމާ ކޮށްފައިވާ ސޮފްޓްވެއަރ ބޭނުންކޮށްގެންނެވެ. ސޮފްޓްވެއަރ ބޭނުން ނުކުރެވޭނަމަ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ "ވަޒީފާ ދެއްވުން އެދި ދަންނަވާ ޗިޓު" އިންނެވެ. ސިވިލް ސަރވިސްގެ އެހެން ވަޒީފާއެއްގައި ހުރި މީހެއްނަމަ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ "ވަޒީފާ ބަދަލުކުރެއްވުމަށް އެދި ދަންނަވާ ޗިޓު" އިންނެވެ.
(ނ) ވަޒީފާ ދިނުމަށްފަހު އެކަން އިދާރާތަކަށް އަންގާނީ، ސިވިލް ސަރވިސް ކޮމިށަނުން ނުވަތަ އެ މަސައްކަތް ކުރުމަށް ކޮމިށަނުން ހަވާލު ކޮށްފައިވާ ފަރާތަކުން ފޮނުވާ ޗިޓަކުންނެވެ. މިޗިޓުގެ ކޮޕީއެއް އެ މަގާމެއް އޮތް އިދާރާއަކަށް ފޮނުވޭނެއެވެ. ސޮފްޓްވެއަރ ބޭނުންކުރާ އިދާރާތަކަށް ސޮފްޓްވެއަރ ޕްރޮގްރާމުގެ ތެރެއިން މިޗިޓު ލިބޭނެއެވެ.
(ރ) ވަޒީފާ ދިނުމާ ގުޅިގެން، ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކަށްވެސް ހިދުމަތުގެ ރިކޯޑުކާޑު ނަންބަރުެއް ދެވޭނެއެވެ.
(ބ) ސިވިލް ސަރވިސްގެ ވަޒީފާ ދިންކަން ކޮމިށަނުން ނުވަތަ މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ފަރާތުން އެންގުމުން، އެކަން އެ މުވައްޒަފަށް ޒިންމާދާރު އިސްވެރިޔާ ލިޔުމަކުން އަންގަން ވާނެއެވެ.
(ޅ) ވަޒީފާ ދިނުމުގައި، މުވައްޒަފުންނަށާއި، އެ މުވައްޒަފެއް ވަޒީފާ އަދާ ކުރާ އޮފީހަށް ބުރަބޮޑު ނުވާނޭ އުސޫލަކުން ކަންކޮށް، ދައުލަތުގެ ފައިސާ އިސްރާފު ނުވާނޭ ގޮތެއްގެ މަތީން، އޮފީހުގެ މަސައްކަތް ހަލުއި ކުރުމަށާއި އިދާރީ ލުއި ފަސޭހަކަމަށް ރިއާޔަތް ކުރަން ވާނެއެވެ.
78 ވަނަ މާއްދާ - ވަޒީފާއަށް އައްޔަން ކުރުމުގެ ށަރުތުތައް
(ހ) ސިވިލް ސަރވިސްގެ ދާއިމީ ވަޒީފާއަށް އައްޔަން ކުރެވޭނީ، ތިރީގައި މިވާ ށަރުތުތައް ފުރިހަމަވުމާއެކު، އެ މަގާމެއްގެ ށަރުތު ހަމަވާ މީހުންނެވެ.
- ދިވެހި ރައްޔިތަކަށްވުން.
- އަސާސީ ތައްލީމުގެ ފެންވަރަށް ލިޔަން ކިޔަން އެނގޭ މީހަކު ކަމުގައި ވުން.
- ވަޒީފާއަށް އެދި ހުށަހަޅާއިރު، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ވަޒީފާއިން މުސްކުޅި ކުރުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިދޭ އުމުރަށްވުރެ (55 އަހަރަށްވުރެ) ދޮށީ މީހަކު ކަމުގައި ނުވުން. (ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ހުރި އުމުރުން 55 އަހަރު ވެފައިވާ މުވައްޒަފެއް ސިވިލް ސަރވިސްގެ އެހެން ވަޒީފާއަކަށް ބަދަލު ކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.)
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތްހެދުން އަދި ހިޔާނާތް ފަދަ ބޮޑު ކުށެއް ކުރިކަން، ވޭތުވެދިޔަ 5 (ފަހެއް) އަހަރުގެ ތެރޭގައި، ށަރީއަތަށް ސާބިތުވެފައި، އެ ހުކުމުގެ އެއްވެސް މިންވަރެއް ތަންފީޒުނުވެއޮތް މީހަކު ކަމުގައި ނުވުމާއި، އަދި މީގެ އިތުރުން ކުށަށް ރިއާޔަތްކޮށް ވަޒީފާދިނުމުގައި މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ހަމަތަކަށް ރިއާޔަތް ކުރުން. ވަޒީފާއަށް ކުރިމަތިލާ މީހުންގެ ކުށުގެ ރިކޯޑު ބަލާ ފޯމު މި ގަވާއިދުގެ ޖަދުވަލު 5 ގައި ވާނެއެވެ.
- ޣައިރު ގާނޫނީ ޖަމާއަތެއް ކަމުގައި ށަރީއަތުން ކަނޑައަޅައިފައިވާ ޖަމާއަތެއްގެ މެންބަރެއް ކަމުގައި ނުވުން.
- ވަޒީފާ އަދާ ކުރަން ޖެހޭ އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީއަކީ، ވަޒީފާއަށް ކުރިމަތިލާ މީހާގެ މަންމައަށް، ބައްޕައަށް، ދަރިއަކަށް، އަންބަކަށް، ފިރިއަކަށް، އެއްބަ ނޑު އެއްބަފާ މީހަކަށް، އެއްބަ ނޑު މީހަކަށް ނުވަތަ އެއްބަފާ މީހަކަށް ނުވުން.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބު ކުރެވޭ މަގާމެއް ފުރަމުންދާ މީހެއް ކަމުގައި ނުވުން.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާ ގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިސްކުރާ މަގާމެއްގައި ހުރި މީހެއް ކަމުގައި ނުވުން.
- ދައުލަތުގެ އެއްވެސް މަގާމަކުން މުސްކުޅި ކޮށްފައިވާ މީހަކު ކަމުގައި ނުވުން.
- ދައުލަތުގެ ވަޒީފާއެއްގައި ހުރި މީހަކު ކަމުގައި ނުވުން.
- ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން ވަޒީފާއިން ވަކިކުރިތާ 3 (ތިނެއް) އަހަރު ވެފައި ވުން.
(ށ) ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ ނުވަތަ ޒިންމާދާރު ވެރިޔާ، މީހަކަށް ވަޒީފާދިނުމަށް ހުށަހެޅުމުގެ ކުރިން، އެ މީހަކީ އެ ވަޒީފާއެއް އަދާ ކުރުމަށް ބޭނުންވާނެ ސިއްހަތު ހުރި މީހެއްތޯ ރިއާޔަތް ކުރަން ވާނެއެވެ. އަދި އެ މީހަކީ، އެ ފަދަ މީހެއް ނޫންކަމަށް ފެންނަ ނަމަ، ޑޮކްޓަރެއްގެ ލަފާހޯދައި، ކަމާބެހޭ ލިޔުންތަކާއެކު، އެ އިދާރާއެއްގެ އެޗް.އާރު.އެމް.ޑީ ކޮމިޓީގައި މަށްވަރާކޮށް، ކޮމިޓީން ނިންމެވި ގޮތެއް، ހެތްކާއެކު، އެ މަގާމަށް މީހަކު ހަމަޖެއްސުމަށް ހުށަހަޅާއިރު، އެ އިދާރާއަކުން ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
(ނ) ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ މީހަކަށް ވަޒީފާ ދިނުމަށް ހުށަހެޅުމުގެ ކުރިން، އެ މީހަކީ އަހުލާގީ ގޮތުން، ނުވަތަ ގައުމީ ސަލާމަތާ ގުޅޭ ގޮތުން އެ ވަޒީފާއެއް އަދާ ކުރުމަށް އެކަށީގެން ވާ މީހެއްތޯ ބެލުމަށްޓަކައި އެ ކަންކަމަށް ރިއާޔަތް ކުރަން ވާނެއެވެ. އަދި މީހަކީ، އެކަށީގެން ނުވާ މީހެއްކަމަށް ފެންނަ ނަމަ، މި ގަވާއިދުގެ 7 ވަނަ ޗެޕްޓަރުގައި ވާގޮތުގެ މަތީން އަހުލާގީ މިންގަ ނޑާއި، ގައުމީ ސަލާމަތާ ގުޅޭ ގޮތުން ބަލަންޖެހޭ މިންގަ ނޑުތަކަށް ފެތޭ މީހެއްތޯ ބަލައި، އެ އިދާރާއެއްގެ އެޗް.އާރު.އެމް.ޑީ ކޮމިޓީގައި މަށްވަރާކޮށް، ކޮމިޓީއިން ނިންމެވިގޮތެއް، ހެތްކާއެކު އެ މަގާމަށް މީހަކު ހަމަޖެއްސުމަށް ހުށަހަޅާއިރު، އެ އިދާރާއަކުން ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
79 ވަނަ މާއްދާ - ސީނިއަރ ސިވިލް ސަރވިސްގެ މަގާމުތަކަށް މީހުން ހޮވުމާއި އައްޔަން ކުރުން
(ހ) ސީނިއަރ ސިވިލް ސަރވިސްގެ މަގާމުތަކަށާއި، ސިވިލް ސަރވިސްގެ އިދާރާތަކުގެ އެންމެ އިސް މަގާމަށް މުވައްޒަފުން ހޮވުމާއި އައްޔަން ކުރުމުގެ މަސައްކަތް ކުރާނީ މި ގަވާއިދުގައިވާ ގޮތުގެ މަތީން ސިވިލް ސަރވިސް ކޮމިށަނުންނެވެ. ސިވިލް ސަރވިސްގެ އިދާރާތަކުން ސީނިއަރ ސިވިލް ސަރވިސްގައި ހިމެނޭ މަގާމަކަށް ނުވަތަ އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އިސް މަގާމަށް މީހަކު ހޯދަން ބޭނުންވެއްޖެނަމަ، ތިރީގައިވާ މައުލޫމާތާއެކު އެކަން ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
- މަގާމުގެ ނަންބަރު.
- މަގާމުގެ ނަމާއި ކްލެސިފިކޭށަން.
- މަގާމަށް މީހަކު ހޯދުމަށް ބޭނުންވާ ސަބަބު.
- މަގާމަށް މީހަކު ހަމަޖެއްސުމަށް ބޭނުންވާ ތާރީހު.
- މަގާމުގެ މުސާރައާއި އިނާޔަތްތައް އެ އަހަރަކަށް ލިބިފައިވާ ބަޖެޓުން ހަމަޖެހޭނެކަން ނުވަތަ މާލީ ވުޒާރާއިން އެ ފައިސާ ހަމަޖެހޭނެ ކަމަށް އަންގަވާފައިވާކަން.
(ށ) މި ގަވާއިދަށް އަމަލު ކުރަން ފަށާއިރު، ސީނިއަރ ސިވިލް ސަރވިސްގެ މަގާމުތަކަށާއި، ސިވިލް ސަރވިސްގެ އިދާރާތަކުގެ ސިވިލް ސަރވިސްގެ އެންމެ އިސް މަގާމަށް މުވައްޒަފުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަ ނޑުތަކާއި އުސޫލުތައް އެކުލަވައިލާ އާންމު ކުރެވިފައި އޮންނަން ވާނެއެވެ. މި ވަޒީފާތަކަށް މުވައްޒަފުން އައްޔަން ކުރެވޭނީ އެ މިންގަ ނޑުތަކާއި އުސޫލުތަކާ އެއްގޮތަށެވެ.
80 ވަނަ މާއްދާ - މީލާދީގޮތުން 18 އަހަރު ނުފުރޭ ކުދިންނަށް ވަޒީފާ ދިނުން
މީލާދީ ގޮތުން 18 އަހަރު ނުފުރޭ ކުދިންނަށް ދިވެހި ސިވިލް ސަރވިސްގެ ވަޒީފާ ދިނުމުގައި އަމަލު ކުރާނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ. 18 އަހަރު ނުފުރޭ ކުއްޖަކު ކަމުގައި ބަލާނީ ގާނޫނު ނަންބަރު 9/1991 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ގާނޫނު) ގައިވާ ގޮތުގެ މަތީންނެވެ. އަދި މިމާއްދާގެ ދަށުން ވަޒީފާ ދިނުމަށް ކުޑަކުއްޖެއް ކަމުގައި ބަލާ އެންމެ ހަގު އުމުރަކީ 16 އަހަރެވެ.
(ހ) 18 އަހަރު ނުފުރޭ ކުއްޖަކަށް ވަޒީފާ ދޭންވާނީ، އެކުއްޖާގެ ށަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ ހުއްދަ، ލިޔުމަކުން ލިބުމަށްފަހު ގައެވެ.
(ށ) ވަޒީފާދޭ ފަރާތުން ކުއްޖާގެ ސިއްހަތަށް ނުވަތަ ތައުލީމަށް ނުވަތަ އަހުލާގަށް ބުރޫ އަރާފަދަ މަސައްކަތެއް ކުރުވައިގެން ނުވާނެއެވެ.
(ނ) 18 އަހަރު ނުފުރޭ ކުއްޖަކު ލައްވައި ރޭގަ ނޑު 11 (އެގާރަ) ޖެހުމުގެ ފަހުން މަސައްކަތް ކުރުވައިގެން ނުވާނެއެވެ.
(ރ) 18 އަހަރު ނުފުރޭ ކުއްޖަކު ލައްވައި މަސައްކަތް ކުރުވުމުގައިވެސް އެ މަގާމަކަށް ކަނޑައެޅިފައިވާ އުޖޫރައެއް ދޭން ވާނެއެވެ.
(ބ) 18 އަހަރު ނުފުރޭ ކުޑަކުދިން ސިވިލް ސަރވިސްގެ ވަޒީފާގައި ގެންގުޅޭނަމަ، އެ ކުދިންގެ ނަމާއި އެޑްރެސް އަދި އުފަންތާރީހު އެނގޭނެ ފަދަ ދަފްތަރެއް ކޮންމެ އިދާރާއަކުންވެސް ލިޔެ ބަލަހައްޓަން ވާނެއެވެ.
81 ވަނަ މާއްދާ - މީލާދީ ގޮތުން 18 އަހަރު ނުފުރޭ ކުދިން ގެންގުޅެގެން ނުވާނެ ވަޒީފާތައް
މީލާދީ ގޮތުން 18 އަހަރު ނުފުރޭ ކުދިން، ތިރީގައިވާ ވަޒީފާތަކުގައި ވަގުތީ ގޮތުންވެސް ގެންގުޅެގެން ނުވާނެއެވެ. އަދި، މިފަދަ ވަޒީފާތަކަށް ދާއިމީގޮތަށް ލައްވަން ހުށަހަޅައިގެންވެސް ނުވާނެއެވެ.
(ހ) ނުރައްކާތެރި ކެމިކަލް ނުވަތަ ކުނި ގެންގުޅޭ ނުވަތަ އެފަދަ މާހައުލެއްގައި އަދާ ކުރަންޖެހޭ ވަޒީފާތައް.
(ށ) އިންޖީނުލީ އެއްވެސް އެއްޗެއް ދުއްވަންޖެހޭ ވަޒީފާތައް.
(ނ) 18 އަހަރު ނުފުރޭ ކުދިންގެ އުމުރާ ނުގުޅޭ މަންޒަރުތަކާއި، ލިޔުންތައް ފެންނަ ވަޒީފާތައް.
(ރ) ކޮންސްޓްރަކްށަން ދާއިރާގެ އިދާރީ މަގާމުތައް ފިޔަވައި އެހެން ވަޒީފާތައް.
(ބ) ވަޑާމުގެ މަސައްކަތުގެ އިދާރީ މަގާމުތައް ފިޔަވައި އެހެން ވަޒީފާތައް.
(ޅ) ވެލްޑިންގ ކުރުމުގެ ވަޒީފާތައް.
(ކ) އުސްތަންތަނަށް އަރަންޖެހޭ ވަޒީފާތައް.
(އ) ގާޑުންނާއި ވޮޗަރުންގެ ވަޒީފާ.
(ވ) ބަރު މެށިނަރީ ގެންގުޅެންޖެހޭ ވަޒީފާތައް.
82 ވަނަ މާއްދާ - އުޖޫރައެއްނެތި 18 އަހަރުނުފުރޭ ކުދިން މަސައްކަތު ތަޖުރިބާ ލިބިގަތުމަށް ގެންގުޅުން
މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ގޮތުން އުޖޫރައެއް ނެތި ތަންތަނުގައި ވަޒީފާ އަދާ ކުރާ 18 އަހަރު ނުފުރޭ ކުދިން ވަޒީފާގައި ގެންގުޅުމުގައި، މި ގަވާއިދުގެ 80 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އާއި 81 ވަނަ މާއްދާއާ ހިލާފުވެގެން ނުވާނެއެވެ.
83 ވަނަ މާއްދާ - ވަޒީފާގެ އެއްބަސްވުން
ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކަށް ވަޒީފާ ދެވޭ ހިނދު، ލިޔެފައިވާ ވަޒީފާގެ އެއްބަސްވުމެއްގައި އެ މުވައްޒަފެއް ލައްވައި ސޮއި ކުރުވަން ވާނެއެވެ. އަދި ވަޒީފާގެ އެއްބަސްވުމުގައި ސޮއި ނުކުރުވައި އެއްވެސް މުވައްޒަފަކު ވަޒީފާގައި ގެންގުޅެގެން ނުވާނެއެވެ. މިގޮތުން ސޮއި ކުރެވޭ އެއްބަސްވުމުގައި ހިމަނަންޖެހޭ ށަރުތުތަކާއި މާއްދާތައް މި ގަވާއިދުގެ ޖަދުވަލު 6 ގައި ވާނެއެވެ.
(ހ) ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ސިވިލް ސަރވިސް ކޮމިށަނާ ދެމެދު ސޮއި ކުރެވޭ ވަޒީފާގެ އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިށަންގެ ފަރާތުން ސޮއި ކުރާނީ، އެ މުވައްޒަފެއް ވަޒީފާ އަދާ ކުރާ ދާއިރާގެ މަސްއޫލު އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީ، ނުވަތަ އިދާރާގެ ޒިންމާދާރު ވެރިޔާ، ނުވަތަ އެއިން ފަރާތެއްގެ ދަށުގައި ހުރި، އެއިން ފަރާތަކުން ކަނޑައަޅާ ސިވިލް ސަރވިސްގެ މުވައްޒަފެކެވެ.
(ށ) ވަޒީފާގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއި ކުރުމަށްފަހު، އެއްބަސްވުމުގެ ކޮޕީއެއް މުވައްޒަފުގެ ރިކޯޑުފައިލަށް ލާން ވާނެއެވެ. އަދި އެ އެއްބަސްވުމުގެ ކޮޕީއެއް އެ މުވައްޒަފަށް ދޭން ވާނެއެވެ.
84 ވަނަ މާއްދާ - ގާނޫނާއި ގަވާއިދަށް ހުރަސް އެޅޭ އެއްވެސް ބައެއް ވަޒީފާގެ އެއްބަސްވުމުގައި ނުހިމެނުން
ސިވިލް ސަރވިސްގެ ވަޒީފާގެ އެއްބަސްވުމެއްގައި، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުން ނުވަތަ ގަވާއިދުން ވިއަސް، ސިވިލް ސަރވިސް ކޮމިށަނަށް ނުވަތަ ޕަރމަނަންޓް ސެކްރެޓަރީ، ޒިންމާދާރު އިސްވެރިޔާ ނުވަތަ ސިވިލް ސަރވިސްގެ އިދާރާއަކަށް ލިބިދީފައިވާ ބާރެއް ހަނިވާ ގޮތަށް، އެ ހަނި ކުރުމުގެ އިހުތިޔާރު ގާނޫނާއި ގަވާއިދުގައި ކަނޑައެޅި ބަޔާންވެފައި ނެތި، ހިމަނައިގެން ނުވާނެއެވެ. އަދި އާންމުކޮށް ސިވިލް ސަރވިސްއިން ހަދާ ގަވާއިދެއް ހެދުމަށް ނުވަތަ ހިންގުމަށް ހުރަސްއެޅޭ ގޮތަށް ހިމަނައިގެން ނުވާނެއެވެ. އެ ފަދަ ކަމެއް ވަޒީފާ ގެ އެއްބަސްވުމެއްގައި ހިމެނިއްޖެ ނަމަ އެ ހިމެނުނު ބައެއް ވާނީ ބާތިލު ބަޔަކަށެވެ.
85 ވަނަ މާއްދާ - ވަޒީފާ ނުދެވޭނެ ހާލަތު
ސިވިލް ސަރވިސްގެ މުވައްޒަފެއްގެ ގޮތުގައި ކުރިން ހިދުމަތް ކޮށްފައިވާ މީހަކަށް އަންނަނިވި ހާލަތުތަކުގައި އަލުން ސިވިލް ސަރވިސްގެ ވަޒީފާއެއް ނުދެވޭނެއެވެ.
(ހ) ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ސިވިލް ސަރވިސްގެ ވަޒީފާއަކަށް ކުރިމަތި ނުލެވޭނެ ގޮތަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ ދަށުން ވަޒީފާއިން ވަކި ކޮށްފައިވާ މީހަކު، އެ މުއްދަތު ހަމަވަންދެން.
(ށ) ވަޒީފާއިން ކުރިން ވަކިކުރެވުނު ސަބަބަކީ އަލުން ވަޒީފާއެއް ދިނުމަށް އިއުތިރާޒު ކުރެވިދާނެ ފަދަ ސަބަބަކަށްވުން.
(ނ) ވަޒީފާއިން ވަކިވެފައިވަނީ ސިއްހީ ސަބަބަކަށް ކަމުގައިވާ ނަމަ، ސިއްހީ ހާލަތު ރަނގަޅުވެފައިވާކަން ގަބޫލުކުރެވޭ މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަންދެން.
(ރ) ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅި ކުރެވިދާނެ އުމުރު ކަމުގައި ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގައި ބަޔާންކުރާ، 55 އަހަރު ފުރިފައިވުން.
86 ވަނަ މާއްދާ - ވަޒީފާ ބަދަލު ކުރުން
(ހ) ސިވިލް ސަރވިސްގެ މުވައްޒަފުން އެއް މަގާމުން އަނެއް މަގާމަށް ބަދަލު ކުރާނީ، ސިވިލް ސަރވިސް ކޮމިށަނުން ނުވަތަ އެ މަސައްކަތް ކުރުމަށް ކޮމިށަނުން ހަވާލު ކޮށްފައިވާ ފަރާތަކުންނެވެ. ވަޒީފާ ބަދަލު ކުރުމަށް ހުށަހަޅާނީ "ވިއުގަ" ސޮފްޓްވެއަރ މެދުވެރިކޮށްގެންނެވެ. މި ސޮފްޓްވެއަރ ބޭނުން ނުކުރެވޭ އިދާރާތަކުން މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ "ވަޒީފާ ބަދަލު ކުރުމަށް އެދި ދަންނަވާ ޗިޓު" އިންނެވެ.
(ށ) މި މާއްދާގެ ދަށުން މުވައްޒަފެއް އެއް މަގާމުން އަނެއް މަގާމަށް ބަދަލު ކުރާއިރު، އެ މުވައްޒަފެއް އަދާ ކުރަމުންދާ ވަޒީފާ ހިމެނޭ ފަންތިއަށްވުރެ ދަށް ފަންތިއަކަށް އެ މުވައްޒަފުގެ އެދުމަކަށް، ނުވަތަ ރުހުމާއެކުގައި، މެނުވީ ބަދަލުކުރެވޭނީ ތިރީގައިވާ ހާލަތުތަކުގައެވެ. މި ނޫން ހާލަތްތަކުގައި މުވައްޒަފުން ދަށް ފަންތީގެ މަގާމަކަށް ބަދަލު ކުރާނަމަ، އެ މުވައްޒަފު އެކަމަށް އިއުތިރާޒު ނުކުރާ ކަމުގެ ލިޔުމެއް ހޯދަން ވާނެއެވެ.
- މި ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން އަޅާ އިސްލާހީ ފިޔަވަޅެއްގެ ގޮތުން.
- މުވައްޒަފެއް ހުރި ފަންތީގައި މަސައްކަތް ކުރުމަށް ބޭނުންވާ މުހިންމު ށަރުތެއް މުވައްޒަފުގެ ކިބައިން އުނިވުން.މަސައްކަތުގެ ފެންވަރު ބެލުނުއިރު، އެ މުވައްޒަފެއް ހުރި ފަންތީގައި މަސައްކަތް ކުރަންވާ މިންވަރަށް ނުވަތަ ފެންވަރަށް މަސައްކަތް ނުކުރުން.
- ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން މުވައްޒަފު ހުރި ފަންތީގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާ ކުރުމަށް ނުކުޅެދުން.
- ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާން ކޮށްފައިވާ އެހެން ހާލަތެއް މެދުވެރިވުން.
(ނ) ސިވިލް ސަރވިސްގެ މުވައްޒަފެއް އެދިގެން، އެ މީހަކު ހުރި މަގާމާ ފެންވަރުގެ ގޮތުން ނުވަތަ މުސާރައިގެ ގޮތުން އެއްވަރު މަގާމަކަށް، ނުވަތަ އެ މީހަކުހުރި މަގާމަށްވުރެ ދަށް މަގާމަކަށް ބަދަލު ކޮށްދެވޭނީ، އެގޮތަށް ބަދަލު ކޮށްދިނުން އެކަށީގެންވާކަމަށް ފެންނަ ސަބަބެއް އޮތްނަމައެވެ. މިފަދަ ބަދަލެއް ގެންނަން ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާއަށް ފެނިގެން ސިވިލް ސަރވިސް ކޮމިށަނަށް ހުށަހަޅާއިރު، މިފަދަ ބަދަލެއް ގެންނަން ފެންނަ ސަބަބު ސާފުކޮށް ލިޔަން ވާނެއެވެ. އެކަށީގެންވާ ސަބަބެއް އޮވެގެން ދަށް މަގާމަކަށް ބަދަލުވުމަށް މުވައްޒަފެއް އަމިއްލައަށް އެދިއްޖެނަމަ، އެކަމުގެ ލިޔުމަކާއެކު ހުށަހެޅުމުން، ވަޒީފާ ބަދަލުކޮށް ދެވިދާނެއެވެ.
87 ވަނަ މާއްދާ - ވަގުތީ ގޮތުން މަސައްކަތްކުރާ ރަށް ބަދަލު ކުރުން
(ހ) ދިވެހި ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފެއް ކުރާ މަސައްކަތުގެ ބާވަތުން ނުވަތަ އެހިނދަކަށް ސަރުކާރުން ބޭނުންވާ ކަމެއް ކުރުމަށްޓަކައި ތިރީގައި ބަޔާން ކޮށްފައިވާ ހާލަތްތަކާ ގުޅިގެން ވަގުތީ ގޮތުން ވަކި ރަށެއްގައި ވަޒީފާ އަދާ ކުރާގޮތަށް ހަމަޖެއްސުމުގެ އިހުތިޔާރު އެ މުވައްޒަފެއް ވަޒީފާ އަދާ ކުރާ އޮފީހެއްގެ ޕަރމަނަންޓް ސެކްރެޓަރީ، ޒިންމާދާރު އިސްވެރިޔާއަށް ލިބިގެންވެއެވެ.
- ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން މެދުވެރިކޮށް ކުއްލި ގޮތަކަށް އަދި އަވަސް ގޮތަކަށް ދިނުމަށް ވަކި ގާނޫނަކުން ކަނޑައަޅައި ބަޔާން ކޮށްފައިވާ ހިދުމަތެއް އެއްފަހަރާ ގިނައަދަދެއްގެ މުވައްޒަފުން މެދުވެރިކޮށް ދޭންޖެހުން.ވަކި ބާވަތެއްގެ މަސައްކަތެއް ކުރުމަށް އިތުރު ތަޖުރިބާ އާއި ފަންނީ އެހީއަށް އެދި އެއް ރަށުން އަނެއް ރަށަށް ހުށަހެޅުމުން.
- ސަރުކާރުން ހިންގާ ބޮޑެތި މަށްރޫއު ނުވަތަ ހަރަކާތްތައް ފަދަ ކަންކަމަށް އެއްވަގުތެއްގައި ގިނަ އަދަދެއްގެ ފަންނީ ނުވަތަ އިދާރީ މުވައްޒަފުން ބޭނުންވުން.
- އެ ހިދުމަތެއްގެ ބާވަތުން އެކަމުގެ އިލްމީ ގާބިލުކަމާއި، ފަންނު ހުރި މުވައްޒަފަށް ދިމާވާ ކުއްލި ކަމެއްގެ ސަބަބުން އެ މުވައްޒަފަށް ހިދުމަތް ދިނުމަށް ދަތިވާ ހާލަތުގައި އެ މުވައްޒަފުގެ ބަދަލުގައި އެފަދަ ހިދުމަތެއް ދިނުމަށް ވަގުތީ ގޮތުން އެ މުވައްޒަފެއްގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އެރަށެއްގައި އިތުރު އެހެން މުވައްޒަފެއް ނެތިގެން އެކަމަށް ގާބިލު މުވައްޒަފެއް އެހެން ރަށަކުން ހަމަޖައްސަން ޖެހުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތަށް މުވައްޒަފުން ހަމަޖެއްސުމުގައި ޕަރމަނަންޓް ސެކްރެޓަރީ، ނުވަތަ ޒިންމާދާރު އިސްވެރިޔާ އަންނަނިވި ކަންކަން ޔަގީން ކުރަން ވާނެއެވެ.
- ހިދުމަތަށް ފޮނުވާ މުވައްޒަފު ހުރި އޮފީހުގެ މަސައްކަތަށް އެއްވެސް ބުރުލެއް ނުވަތަ ދަތިކަމެއް ކުރިމަތި ނުވާނެކަން.
- ބަދަލުކުރާ މުވައްޒަފަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް މި ގަވާއިދުގައިވާ ގޮތުގެ މަތީން ދެވޭކަން.
- ބަދަލުކުރާ މުވައްޒަފުގެ މަސައްކަތު ފެންވަރު ބެލުމާއި، ޗުއްޓީ ދިނުމާއި އެކަށީގެންވާ މަސައްކަތު މާހައުލެއް ގާއިމު ކޮށްދިނުމާއި އެފަދަ އެންމެހައި ސީދާ ގޮތެއްގައި މުވައްޒަފާ ގުޅިފައިވާ ކަންކަން، ބަލަހައްޓާނެ ގޮތާއި އިންތިޒާމު ހަމަޖެހިފައިވާކަން.
- މި މާއްދާގެ ދަށުން މުވައްޒަފެއް ބަދަލުކުރެވޭނީ ގިނަވެގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށްކަން.
- ބަދަލުކުރެވޭ މުވައްޒަފު އެފަދަ ބަދަލެއްކުރިފަހުން 1 (އެކެއް) އަހަރު ހަމަވެފައި ވާކަން .
- އެއް ވަޒީފާއެއް އަދާ ކުރާ ގިނަ މުވައްޒަފުންތަކެއްގެ ތެރެއިން ވަކި މުވައްޒަފެއް ބަދަލުކުރާ ހާލަތެއްގައި، އެ މުވައްޒަފު ބަދަލު ކުރުމަށް ކަނޑައެޅުމުގައި މަތީގައި ބުނެފައިވާ ކަންކަމަށް ރިއާޔަތް ކުރުމުގެ އިތުރުން، ހަމަހަމަ އަދި ހާމަ އުސޫލަކުން މުވައްޒަފުން ބަދަލު ކުރުމަށް ވަކި ކްރައިޓީރިއާއެއް އެކުލަވައިލައި އެ ކްރައިޓީރިއާ އާ އެއްގޮތަށް މުވައްޒަފު ކަނޑައަޅާފައި ވާކަން.
- މުވައްޒަފު ބަދަލު ކުރަނީ އެ މުވައްޒަފާމެދު އަޅާ އިސްލާހީ ފިޔަވަޅެއްގެ ގޮތުން ނޫންކަމާއި، ސިޔާސީ އެއްވެސް މަސްލަހަތެއް ނެތިކަން.
(ނ) އިދާރީ ގޮތުން ގެނެވޭ ބަދަލެއްގެ ސަބަބުން ސަރުކާރުގެ އޮފީހެއްގެ ހިންގުމަށް އެދެވޭ ބަދަލެއް ގެނެވިދާނެކަމަށް މިނިސްޓަރަށް ނުވަތަ ޒިންމާދާރު އިސްވެރިއަކަށް ގަބޫލު ކުރެވިގެން ހުށަހެޅިއްޖެ ހިނދެއްގައި، ތިރީގައި މިވާ ގޮތްތަކުންކުރެ ގޮތަކަށް ކޮމިށަނަށް ނުވަތަ އެ މަސައްކަތް ކުރުމަށް ކޮމިށަނުން ހަވާލު ކޮށްފައިވާ ފަރާތަކަށް އަމަލު ކުރެވި ދާނެއެވެ.
- ކޮމިށަނުން ނުވަތަ އެ މަސައްކަތް ކުރުމަށް ކޮމިށަނުން ހަވާލު ކޮށްފައިވާ ފަރާތަކުން ލިޔުމަކުން ކަނޑައަޅާ ކަނޑައެޅުމަކުން ދިވެހި ސިވިލް ސަރވިސްގައި ވަޒީފާ އަދާ ކުރާ މުވައްޒަފަކު އެއް އޮފީހުން އަނެއް އޮފީހަށް ބަދަލު ކުރުން.
- ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފެއް ނޫންގޮތުގައި އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފެއް ސިވިލް ސަރވިސްގެ މުވައްޒަފެއް ކަމުގައި ހަމަޖެއްސުން.
- މި ގާނޫނާއި، ސިވިލް ސަރވިސް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފެއްގެ ގޮތުގައި ކޮމިށަނަށް ނުވަތަ އެ މަސައްކަތް ކުރުމަށް ކޮމިށަނުން ހަވާލު ކޮށްފައިވާ ފަރާތަކަށް ފެންނަ މީހަކު ހަމަޖެއްސުން.
(ރ) މި މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ކޮމިށަނުން ނުވަތަ އެ މަސައްކަތް ކުރުމަށް ކޮމިށަނުން ހަވާލު ކޮށްފައިވާ ފަރާތަކުން އަމަލު ކުރުމުގައި ޕަރމަނަންޓް ސެކްރެޓަރީ، ޒިންމާދާރު އިސްވެރިޔާ މެދުވެރިކޮށް އަންނަނިވި ކަންކަން ކަށަވަރު ކުރަން ވާނެއެވެ.
- މިނިސްޓަރ ނުވަތަ ޒިންމާދާރު އިސްވެރިންގެ ހުށަހެޅުމުގައި، ގެންނަ ބަދަލުގެ ސަބަބުން މުވައްޒަފު ބަދަލުކުރެވޭ އޮފީހުގެ ހިންގުމަށް އެދެވޭ ބަދަލެއް ގެނެވިދާނެގޮތާއި އެ ބަދަލުގެ ހެޔޮ އަސަރު ކުރާނެ ދާއިރާ ކަނޑައަޅައި ބަޔާން ކޮށްފައި ވާކަން.
- ވަގުތީ ގޮތުން މުވައްޒަފެއް ބަދަލު ކުރާނަމަ، އެ މުވައްޒަފެއް ބަދަލު ކުރާނެ މުއްދަތާއި އެ ބަދަލުގެ މުއްދަތުގައި ހާސިލު ކުރާނެ ލަނޑުދަނޑިތައް ކަނޑައެޅިފައި ވާކަން.
- މި މާއްދާގެ (ނ) ގެ 1 އަދި 2 ގައިވާ ކަންތައްތަކުގެ އިތުރުން ވަގުތީ ގޮތުން ގެންނަ ބަދަލެއްނަމަ، 1 (އެކެއް) އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށް ބަދަލު ކުރުން.
- ބަދަލުކުރާ މުވައްޒަފަކީ އެ ބަދަލުކުރެވޭ މަސައްކަތުގެ ފަންނީ ގާބިލުކަމާއި މަސައްކަތުގެ ތަޖުރިބާ ހުރި މީހެއް ކަމުގައި ވުން.
- ބަދަލުކުރެވޭ މަގާމަކީ ކުރިން އެ މުވައްޒަފު އަދާ ކުރަމުންދިޔަ މަގާމުގެ މަސްއޫލިއްޔަތު ނުވަތަ އެފަދަ މަސްއޫލިއްޔަތެއް އަދާ ކުރުމަށް ގެނެވޭ ބަދަލެއްކަން.
- ވަގުތީ ގޮތުން ބަދަލުކުރާ މުވައްޒަފު ހުރި އޮފީހުގެ މަސައްކަތަށް އެއްވެސް ބުރުލެއް ނުވަތަ ދަތިކަމެއް ކުރިމަތި ނުވާނެކަން.
- ބަދަލުކުރާ މުވައްޒަފަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް މި ގަވާއިދުގައިވާ ގޮތުގެ މަތީން ދެވޭކަން.
- ވަގުތީ ގޮތުން ބަދަލުކުރާ މުވައްޒަފުގެ މަސައްކަތު ފެންވަރު ބެލުމާއި، ޗުއްޓީ ދިނުމާއި އެކަށީގެންވާ މަސައްކަތު މާހައުލެއް ގާއިމުކޮށް ދިނުމާއި އެފަދަ އެންމެހައި ސީދާ ގޮތެއްގައި މުވައްޒަފާ ގުޅިފައިވާ ކަންކަން، ބަލަހައްޓާނެ ގޮތާއި އިންތިޒާމު ހަމަޖެހިފައިވާ ކަން.
- ވަގުތީ ގޮތުން ބަދަލުކުރެވޭ މުވައްޒަފު އެފަދަ ބަދަލެއް ކުރިފަހުން 1 (އެކެއް) އަހަރު ހަމަވެފައި ވާކަން.
- އެއް ވަޒީފާއެއް އަދާ ކުރާ ގިނަ މުވައްޒަފުންތަކެއްގެ ތެރެއިން ވަގުތީ ގޮތުން ވަކި މުވައްޒަފެއް ބަދަލުކުރާ ހާލަތެއްގައި، އެ މުވައްޒަފު ބަދަލު ކުރުމަށް ކަނޑައެޅުމުގައި މަތީގައި ބުނެފައިވާ ކަންކަމަށް ރިއާޔަތް ކުރުމުގެ އިތުރުން، ހަމަހަމަ އަދި ދެފުށްފެންނަ އުސޫލަކުން މުވައްޒަފުން ބަދަލު ކުރުމަށް ވަކި ކްރައިޓީރިއާއެއް އެކުލަވައިލައި އެކްރައިޓީރިއާއާ އެއްގޮތަށް މުވައްޒަފު ބަދަލު ކުރުމަށް ކަނޑައަޅައިފައިވާކަން.
- މުވައްޒަފު ބަދަލު ކުރަނީ އެ މުވައްޒަފާމެދު އަޅާ އިސްލާހީ ފިޔަވަޅެއްގެ ގޮތުން ނޫންކަމާއި، ސިޔާސީ އެއްވެސް މަސްލަހަތެއް ނެތިކަން.
- މުވައްޒަފު ބަދަލު ކުރަނީ ސިޔާސީ މަސްލަހަތެއް އޮވެގެން ސިޔާސީ މަގްސަދެއްގައި އެ މުވައްޒަފަށް ދަތިކޮށް އިހާނެތި ކުރުމުގެ އަމަލެއްގެ ގޮތުން ކަމަށް މުވައްޒަފު ށަކުވާއެއް އުފުލާފައި ވާނަމަ، އެ އިދާރާއެއްގެ އެޗް.އާރު.އެމް.ޑީ ކޮމިޓީން އެ މައްސަލައެއް ބެލުމަށްފަހުގައި ކަން.
(ބ) މި މާއްދާގެ (ނ) ގެ 2 އަދި 3 ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި، ދިވެހި ސިވިލް ސަރވިސް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފެއް ނޫންގޮތުގައި އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފެއް ސިވިލް ސަރވިސްގެ މުވައްޒަފެއް ކަމުގައި ހަމަޖެއްސުމުގައި ކޮމިށަނުން ނުވަތަ އެ މަސައްކަތް ކުރުމަށް ކޮމިށަނުން ހަވާލު ކޮށްފައިވާ ފަރާތަކުން އަންނިނިވި ކަންކަން ކަށަވަރު ކުރަން ވާނެއެވެ.
- މި މާއްދާގެ (ނ) ގެ 2 އަދި 3 ވަނަ ނަންބަރުގެ ދަށުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފެއް ކަމުގައި ހަމަޖެއްސުމަށް ހުށަހެޅިފައިވާ މީހަކީ، އެ މީހެއްގެ އިލްމީ ގާބިލުކަމާއި އަދި ތަޖުރިބާއަށް ބަލައި އަދި ދިވެހި ސިވިލް ސަރވިސްގެ މަގާމަކަށް އައްޔަން ކުރުމުގައި ބަލާ އަސާސީ ށަރުތުތައް ފުރިހަމަވާ، މެރިޓް އުސޫލުން އެންމެ ގާބިލު މީހެއްގެ ގޮތުން ހަމަޖެއްސުމަށް ހުށަހެޅިފައިވާ މީހެއްކަން.
- ހަމަޖެއްސުމަށް ހުށަހެޅުނު މަގާމަކީ މީގެކުރިން އެފަދަ މަސްއޫލިއްޔަތަކަށް އުފައްދައިދީފައިވާ، އަދި ކޮންމެހެން ބޭނުންވާ މަގާމެއްކަން.
- ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ދާއިރާއަކުން މީހަކު ސިވިލް ސަރވިސްއަށް ގެނައުމުގައި އެފަދަ މުވައްޒަފެއް ސިވިލް ސަރވިސްގެ ދާއިރާއިން ލިބެން ނެތުން.
(ޅ) މި މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ސިވިލް ސަރވިސްގެ މުވައްޒަފެއް އެ މުވައްޒަފު ވަޒީފާއަދާ ކުރާ ތަން ބަދަލު ކުރުމަށް ނުވަތަ އަދާ ކުރާ ވަޒީފާ ބަދަލު ކުރުމަށް ކޮމިށަނުން ނުވަތަ އެ މަސައްކަތް ކުރުމަށް ކޮމިށަނުން ހަވާލު ކޮށްފައިވާ ފަރާތަކުން ނިންމައިފި ހިނދެއްގައި އަދި ކޮމިށަނުން ނުވަތަ އެ މަސައްކަތް ކުރުމަށް ކޮމިށަނުން ހަވާލު ކޮށްފައިވާ ފަރާތަކުން އެ ނިންމުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، އެ ނިންމުމާ އެއްގޮތަށް އެ މުވައްޒަފެއް އަމަލު ކުރަން ވާނެއެވެ.
(ކ) ކޮމިށަނުން ނުވަތަ އެ މަސައްކަތް ކުރުމަށް ކޮމިށަނުން ހަވާލު ކޮށްފައިވާ ފަރާތަކުން ނިންމައިފައިވާގޮތާ ހިލާފަށް އަމަލުކޮށްފިނަމަ، އެ މުވަޒަފެއްގެ އެއަމަލަކީ ގަވާއިދާ ހިލާފުވުން ކަމަށްބަލައި، ގަވާއިދުގައިވާ ގޮތުގެ މަތީން އެ މުވައްޒަފާމެދު އިސްލާހީ ފިޔަވަޅު އަޅަން ވާނެއެވެ.
(އ) ކޮމިށަނުގެ ނުވަތަ އެ މަސައްކަތް ކުރުމަށް ކޮމިށަނުން ހަވާލު ކޮށްފައިވާ ފަރާތުގެ ނިންމުމާ އެއްގޮތަށް އަމަލު ކުރުމަށް އެކަށީގެންވާ ހުރަހެއް އޮތްކަމަށް ސަބަބު ބަޔާންކޮށް ލިޔުމުން މުވައްޒަފު ހުށަހަޅައިފިނަމަ، އެކަމަކީ އެކަށީގެންވާ ސަބަބެއްކަން ނުވަތަ ނޫންކަން ނިންމާނީ ކޮމިށަނުން ނުވަތަ އެ މަސައްކަތް ކުރުމަށް ކޮމިށަނުން ހަވާލު ކޮށްފައިވާ ފަރާތަކުންނެވެ. އަދި އެފަދަ ނިންމުމަކާ ގުޅިގެން، ކޮމިށަނަށް ފެނިއްޖެ ނަމަ، އެ ގެނައި ބަދަލު އިއާދަކުރަން ނިންމުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
88 ވަނަ މާއްދާ - ވަޒީފާގެ ކުރިއެރުން ދިނުން
(ހ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީން، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދޭނީ މުވައްޒަފުންގެ ވަޒީފާގެ ޒިންމާތައް ފުރިހަމައަށް އުފުލައި، މަސައްކަތުގެ ފެންވަރު ރަނގަޅަށް ބަހައްޓައި، މަސައްކަތުގެ އަހުލާގު ރަނގަޅުވެގެން އެ ކަންކަން ސާބިތުކޮށްދޭ މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަން ކުރުމަށް ނުވަތަ، އެ ކަންކަމުގެ މައްޗަށް އެއަށްވުރެ މަތީ މަސްއޫލިއްޔަތަކަށް ބަދަލު ކުރުމުގެ ގޮތުންނެވެ. އެއްވެސް ހާލެއްގައި، ވަޒީފާގެ ޒިންމާ ނުއުފުލާ، މަސައްކަތަށް ފަރުވާކުޑަ، މަސައްކަތުގެ އަހުލާގު ދަށް މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދީގެން ނުވާނެއެވެ. ހަމައެހެންމެ، އިސްލާހީ ފިޔަވަޅު އެޅިފައިވާ މުވައްޒަފަކަށް، މި ގަވާއިދުގެ 28 ވަނަ ޗެޕްޓަރުގައިވާ ގޮތުގެ މަތީން، އެ މީހާގެ ކިބައިން ފުރިހަމަ އިސްލާހެއް ސާބިތު ވެގެން ނޫނީ، އެއްވެސް ބާވަތެއްގެ ކުރިއެރުމަކަށް އެ މީހެއްގެ ނަން ހުށަހަޅައިގެން ނުވާނެއެވެ.
(ށ) ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދެވޭނީ، އެ މުވައްޒަފެއް އަދާ ކުރާ ވަޒީފާ ހިމެނޭ ވަޒީފާގެ އޮނިގަނޑުގައި ވަޒީފާގެ ކުރިއެރުން ދިނުމަށް ކަނޑައެޅިފައިވާ ގޮތުގެ މަތީންނެވެ.
89 ވަނަ މާއްދާ - ވަޒީފާގެ ކުރިއެރުން ދިނުމުގައި ބަލަންޖެހޭނެ ކަންތައްތައް
ވަޒީފާގެ ކުރިއެރުން ދިނުމުގައި، ތިރީގައި މިވާ ކަންތައްތަކަށް ބަލަން ވާނެއެވެ.
(ހ) މަގާމުގެ މަސްއޫލިއްޔަތުތަކަށް އެ މުވައްޒަފެއް އެކަށީގެންވާ މިންވަރު.
(ށ) އެ މުވައްޒަފެއް ހާޒިރީއަށާއި މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމާއި، މަސައްކަތުގެ ފެންވަރު.
(ނ) އެ މުވައްޒަފެއްގެ ތައުލީމީ ފެންވަރާއި ތަޖުރިބާ.
(ރ) އެ މުވައްޒަފެއް އެ ދާއިރާގެ ވަޒީފާގައި އުޅެފައިވާ މުއްދަތު.
(ބ) އޮފީހުގެ މަގުސަދު ހާސިލު ކުރުމަށް މުވައްޒަފު ހިއްސާ ކޮށްފައިވާ މިންވަރު.
(ޅ) މުވައްޒަފު ހުރި މަގާމުގެ ވާޖިބުތައް އަދާ ކޮށްފައިވާ މިންވަރާއި ފެންވަރު.
(ކ) ވަޒީފާ ހިމެނޭ ހިދުމަތުގެ އޮނިގަނޑުގައި ވަކި މުއްދަތެއް ހަމަވުމުން މަގާމުގެ ކުރިއެރުން ލިބޭގޮތަށް އެކުލަވައިލެވިފައިވާ އޮނިގަނޑެއްގައި ބުނާ މުއްދަތު ހަމަވެފައި ވުމާއެކުއެ މީހެއްގެ ހިދުމަތުގެ ފެންވަރު ބެލުމުން އޭގެ ނަތީޖާއިން އެ ކަމަށް ބުރަވުން.
(އ) އިސްލާހީ ފިޔަވަޅު އެޅިފައިވާ މުވައްޒަފުންނަށް، މަގާމުގެ ކުރިއެރުން ނުވަތަ މުސާރައިގެ ކުރިއެރުން ދިނުމުގައި ތިރީގައި މިވާގޮތުގެ މަތީން އަމަލު ކުރަން ވާނެއެވެ.
- ލިޔުމުން ނަސޭހަތް ދީފައިވާ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ނުވަތަ މުސާރައިގެ ކުރިއެރުން ދެވޭނީ އެ މުވައްޒަފުގެ އަމަލުތައް އިސްލާހުވެ، ކުށެއް ނުކުރާތާ 2 އަހަރު ދުވަސް ވުމަށްފަހުގައެވެ.
- ލިޔުމުން އިންޒާރު ދީފައިވާ ނުވަތަ ހަވާލު ކޮށްފައިވާ މަސައްކަތް ބަދަލު ކުރެވިފައިވާ ނުވަތަ ވަކި މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ ހުރުމަށް އެންގިފައިވާ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ނުވަތަ މުސާރައިގެ ކުރިއެރުން ދެވޭނީ އެ މުވައްޒަފުގެ އަމަލުތައް އިސްލާހުވެ، ކުށެއް ނުކުރާތާ 3 އަހަރު ދުވަސް ވުމަށްފަހުގައެވެ.
- ވަޒީފާގެ ފަންތީގައި އެ މުވައްޒަފެއްގެ މަގާމު ދަށްކުރެވިފައިވާ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ނުވަތަ މުސާރައިގެ ކުރިއެރުންދެވޭނީ އެ މުވައްޒަފުގެ އަމަލުތައް އިސްލާހުވެ، ކުށެއް ނުކުރާތާ 4( ހަތަރު( އަހަރު ދުވަސް ވުމަށްފަހުގައެވެ.
90 ވަނަ މާއްދާ - މަގާމުތަކަށް މީހުން ހޯދުން
ސިވިލް ސަރވިސްގެ އެކިއެކި މަގާމުތަކަށް މީހުން ހޯދައި، އެ މަގާމުތަކަށް މީހުން ހޮވާނީ، ސިވިލް ސަރވިސް ކޮމިށަނުން އާންމު ކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނު ކުރުމުގެ މިންގަ ނޑުތަކާއި އުސޫލުތައް" މި ފޮތުގައި ވާ ގޮތުގެ މަތީންނެވެ.
91 ވަނަ މާއްދާ - އިއުލާނު ކުރުން
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޯދުމަށް އިއުލާނު ކުރަންވާނީ ސިވިލް ސަރވިސް ކޮމިށަނުން އާންމު ކޮށްފައިވާ 'ސިވލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަ ނޑުތަކާއި އުސޫލޫތައް' މި ފޮތުގައި ވާ ގޮތުގެ މަތީންނެވެ.
92 ވަނަ މާއްދާ - މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރުން
(ހ) ސިވިލް ސަރވިސްގެ މުވައްޒަފެއް ވަކިވާން އެދުމުން، ވަކި މުއްދަތަކަށް ހިދުމަތް ކުރުމުގެ ބޮންޑެއް އޮތް މީހަކު ކަމުގައި ނުވާނަމަ، އެ މަގާމު އޮތް އޮފީހަކުން، މަގާމު ހުސްނުވި ކަމުގައި ވިޔަސް، އެ މީހާގެ ބަދަލުގައި އެހެން މީހަކު ހޯދުމުގެ މަސައްކަތް ފެށި ދާނެއެވެ. އަދި އޮފީހުގެ މުވައްޒަފެއް އެހެން މަގާމަކަށް ބަދަލު ކުރަން ސިވިލް ސަރވިސް ކޮމިށަނުށް ހަމަޖައްސާފައި އެންގުމުން ވެސް، މަގާމު ހުސްނުވި ކަމުގައި ވިޔަސް، އެ މީހާގެ ބަދަލުގައި އެހެން މީހަކު ހޯދުމުގެ މަސައްކަތް ފެށި ދާނެއެވެ.
(ށ) މުވައްޒަފުން ހޯދުމަށް ކުރެވޭ އެންމެހައި ކަންކަމުގެ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު އެ އޮފީހަކުން ބަލަހައްޓަން ވާނެއެވެ.
93 ވަނަ މާއްދާ - ވަޒީފާއަށް ކުރިމަތިލުން
ވަޒީފާއަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" އިންނެވެ. ވަޒީފާއެއްގައި ހުރި މީހަކު ސިވިލް ސަރވިސްގެ އެހެން މަގާމަކަށް ކުރިމަތިލާ ނަމަވެސް މިފޯމު ފުރައި ހުށަހަޅަން ވާނެއެވެ.
94 ވަނަ މާއްދާ - އެކްރެޑިޓް ކުރުމާއި އެޓެސްޓް ކުރުން
(ހ) ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާން ކޮށްފައިވާ ތައުލީމީ ސެޓުފިކެޓު ނުވަތަ ސެޓުފިކެޓުތައް ހުށަހަޅަން ވާނީ، މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަ ނޑު ޖަހާފައިވާ ލިޔުމުގެކޮޕީ އެވެ.
(ށ) ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާން ކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރު ކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އަދި އެކަން ކަށަވަރު ކުރާނެ ގޮތަކީ، އިންޓަރވިއުއަށް އެ މީހަކު ހާޒިރު ވާއިރު އެ ލިޔުންތަކުގެ އަސްލު ގެނެސް ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަމަށް ކަށަވަރުކޮށް އެ އިދާރާއެއްގެ ވަޒީފާގެ ކަންކަން ބަލަހައްޓާ މުވައްޒަފު ކޮޕީ ލިޔުމުގައި ސޮއިކޮށް ތާރީހު ޖަހައިގެންނެވެ.
95 ވަނަ މާއްދާ - މަގާމުތަކަށް މީހުން ހޮވުން
ވަޒީފާއަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން ވަޒީފާއަށް މީހުން ހޮވުމުގައި އޮފީހުން، ތިރީގައި މިވާ ގޮތަށް އަމަލު ކުރަން ވާނެއެވެ.
(ހ) ވަޒީފާއަށް އެދޭ ފޯމުގައިވާ މައުލޫމާތުގެ ސައްހަކަން، ސަނަދެއް ނުވަތަ ފެންވަރު ހުރިކަމުގެ ލިޔުމެއް ނުވަތަ އެނޫންވެސް ލިޔުމެއް ބޭނުންވާ މަގާމެއްނަމަ، އެ ސަނަދެއް އޮތްކަން ކަށަވަރު ކުރުން، ނުވަތަ އެ ލިޔުމެއްގެ އަސްލުތޯ ބަލައި ކަށަވަރު ކުރުން.
(ށ) މުވައްޒަފަށް ފުރިހަމަ ކުރުމަށް ހަވާލުކުރާ މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ "ކުށުގެ ރިކޯޑު ބަލާ ފޯމު" ފޯމު މުވައްޒަފުގެ ޕްރޮބޭށަން މުއްދަތު ފެށޭ ތާރީހުން (ވަޒީފާ ދޭ ތާރީހު) ފެށިގެން 30 ދުވަހުގެ ތެރޭގައި ވަޒީފާ އަދާކުރާ އިދާރާއަށް ހުށަހަޅަން ވާނެއެވެ.
(ނ) ވަޒީފާއަށް އެދިފައިވާ މީހުންނާ ވަކިވަކިން ބައްދަލުކޮށް މަގާމަށް އެންމެ އެކަށީގެންވާ މީހަކު ހޮވުމަށްޓަކައި އިންޓަވިއު ބޭއްވުން. މި އިންޓަވިއު ބާއްވާނީ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމު ފުރައިގެން ގެނައުމަށް ދީފައިވާ މުއްދަތު ހަމަވުމަށްފަހުގައެވެ.
(ރ) ވަޒީފާއަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އަދަދު އިތުރުވެ، ހުރިހައި ފަރާތެއް އިންޓަރވިއު ކުރުމަށް ދަތިވާނަމަ، އެ އިދާރާއެއްގެ އެޗް.އާރު.އެމް.ޑީ ކޮމިޓީގެ މަށްވަރާގެ މަތީން ށޯޓް ލިސްޓް ކުރުމަށް ކްރައިޓީރިއާ އެއް ކަނޑައަޅައި އެ ކްރައިޓީރިއާގެ ތެރެއިން އިންޓަރވިއު އަށް ގެންނަ ފަރާތްތައް ށޯޓް ލިސްޓް ކުރެވި ދާނެއެވެ.
96 ވަނަ މާއްދާ - އިންޓަރވިއު ޕެނަލް އެކުލަވައިލުން
މަގާމުތަކަށް މީހުން ހޮވުމަށް އިންޓަރވިއު ޕެނަލް އެކުލަވައިލަންވާނީ، މި ގަވާއިދާއި ކޮމިށަނުން އާންމު ކޮށްފައިވާ 'ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނު ކުރުމުގެ މިންގަ ނޑުތަކާއި އުސޫލުތައް' މި ފޮތުގައިވާ ގޮތުގެ މަތީންނެވެ.
97 ވަނަ މާއްދާ - އިންޓަރވިއު ޕެނަލްގައި ހިމަނައިގެން ނުވާނެ ފަރާތްތައް
(ހ) އިންޓަރވިއު ކުރެވޭ ފަރާތާއި އާއިލީގޮތުން ގުޅުންހުރި (މަންމަ، ބައްޕަ، ދަރި، އަނބިމީހާ، ފިރިމީހާ، އެއްބަ ނޑު އެއްބަފާ، އެއްބަނޑު، އެއްބަފާ) ފަރާތެއް އިންޓަރވިއު ޕެނަލްގައި ހިމަނައިގެން ނުވާނެއެވެ.
(ށ) އިންޓަވިއު ޕެނަލް ގައި ސިޔާސީ މަގާމެއް އަދާ ކުރަމުންދާ މީހަކު، ނުވަތަ ސިޔާސީ ގޮތުން ހަރަކާތްތެރި މީހަކު ޕެނަލިސްޓެއްގެ ގޮތުގައި ހިމެނައިގެން ނުވާނެއެވެ. ނަމަވެސް އެ އިދާރާއެއްގެ އެޗް.އާރު.އެމް.ޑީ ކޮމިޓީ އިން އިއުތިރާޒު ނުކުރާ ހާލަތްތަކުގައި އެފަދަ ފަރާތެއް އޮބްޒާވަރެއްގެ ގޮތުގައި ބައިވެރި ކުރަން މި މާއްދާ ހުރަހެއް ނާޅައެވެ.
98 ވަނަ މާއްދާ - ވަޒީފާއަށް އެންމެ ގާބިލު މީހާ ހޮވުން
ވަޒީފާއަށް އެންމެ ގާބިލު މީހާ ހޮވާނީ، ކޮމިށަނުން އާންމު ކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނު ކުރުމުގެ މިންގަ ނޑުތަކާއި އުސޫލުތައް" މި ފޮތުގައިވާ ގޮތުގެ މަތީންނެވެ.
99 ވަނަ މާއްދާ - ވަޒީފާއަށް ނުހޮވުނު ފަރާތްތަކަށް އެންގުން
ވަޒީފާއަށް ކުރިމަތިލި މީހުންގެ ތެރެއިން އެ ވަޒީފާއަށް ނުހޮވޭ މީހުންނަށް ނުހޮވޭކަން ސަބަބާއެކު، ލިޔުމުން އެތަނަކުން ނުވަތަ އެ އޮފީހަކުން އަންގަން ވާނެއެވެ. "ވަޒީފާއަށް ނުހޮވުނުކަން އަންގާ ލިޔުން" މި ގަވާއިދުގެ ޖަދުވަލު 8 ގައި ވާނެއެވެ.
100 ވަނަ މާއްދާ - ޕްރޮބޭށަން (ވަގުތީ މުއްދަތު)
(ހ) ޕްރޮބޭށަން ނުވަތަ ވަގުތީ މުއްދަތަކީ، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަކަށް މީހަކު ވަނުމާއެކު، މުވައްޒަފަކަށް އެ ވަޒީފާއެއްގެ މަސްއޫލިއްޔަތު އަދާ ކުރެވޭ ވަރުގެ ގާބިލުކަން ހުރި މުވައްޒަފެއްތޯ ބެލުމަށް، އެ އިދާރާއަކަށް ދެވޭ، އަދި އެ މުވައްޒަފަކަށް އެ ވަޒީފާ ރަނގަޅުތޯ ބެލުމަށް އެ މުވައްޒަފަކަށް ދެވޭ، ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ޕްރޮބޭށަން (ވަގުތީ މުއްދަތު) އެކެވެ.
(ށ) މުވައްޒަފަކީ، މަސައްކަތަށް ގާބިލު މީހެއް ކަމުގައި ވާނަމަ، ޕްރޮބޭށަންގައި ހުންނަ މުއްދަތުގެ ތެރޭގައި އެކަން މުވައްޒަފަށް ލިޔުމަކުން އަންގަން ވާނެއެވެ. ޕްރޮބޭށަންގެ މުއްދަތުގެ ތެރޭގައި މުވައްޒަފު ވަޒީފާއިން ވަކި ކުރަން ބޭނުންވާނަމަ، ވަޒީފާއިން ވަކި ކުރަންވާނީ، ޕްރޮބޭށަންގައި ހުންނަ ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަށް މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ކަމުގައި ވީނަމަވެސް، ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ޕްރޮބޭށަންގެ މުއްދަތުގައި މުވައްޒަފު ވަޒީފާއިން ވަކި ކުރުމުގެ އިހުތިޔާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ށ) އަދި (ނ) ގައި ވާފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ނުވަތަ އެންމެ ގިނަ ޕޮއިންޓް ހޯދި ފަރާތް ވަޒީފާ ބޭނުން ނުވާކަމަށް އެ ފަރާތުން އަންގާފައި ވާނަމަ، ނުވަތަ އެންމެ ގިނަ ޕޮއިންޓް ހޯދި ފަރާތަށް ވަޒީފާ ހަމަޖެއްސުމަށްޓަކައި އެ ފަރާތާ ގުޅުމަށް ތަކުރާރުކޮށް މަސައްކަތްކޮށް އެކަން ކާމިޔާބު ނުވިނަމަ، އެ މުވައްޒަފާ ވާދަކޮށް ދެވަނައަށް ދިޔަ ފަރާތް އިތުރު އިންޓަވިއުއަކާ ނުލައި މި ގަވާއިދުގައިވާ ގޮތުގެ މަތީން ވަޒީފާއަށް އައްޔަން ކުރެވި ދާނެއެވެ.
101 ވަނަ މާއްދާ - ޕްރޮބޭށަންގައި ހުންނަ މުވައްޒަފާމެދު އަމަލު ކުރާނެ ގޮތް
ޕްރޮބޭށަންގައި ހުންނަ ކޮންމެ މުވައްޒަފަކާމެދު، އެ އޮފީހެއްގެ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ އަންނަނިވި ގޮތުގެ މަތީން އަމަލު ކުރަން ވާނެއެވެ.
(ހ) ޕްރޮބޭށަންގެ މުއްދަތު ހަމަވާއިރު ދާއިމީ މުވައްޒަފަކަށް ވުމަށްޓަކައި، އެ މުވައްޒަފެއް ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންކަން، ވަޒީފާ އަދާ ކުރަން ފެށުމާއެކު އެ މުވައްޒަފަކަށް އެންގުން.
(ށ) މުވައްޒަފަކަށް ޕްރޮބޭށަންގެ މުއްދަތުގައި، އެއްވެސް ތަމްރީނެއް ދިނުމަށް ހަމަޖެހިފައިވާނަމަ އެ ތަމްރީނެއް ދިނުން.
(ނ) ޕްރޮބޭށަންގެ މުއްދަތުގައި، އެ މުވައްޒަފުގެ މަސައްކަތާއި ހިދުމަތުގެ ފެންވަރު ބަލައި ރިކޯޑު ކުރުމާއި، މުވައްޒަފަށް އޭނާގެ ހިދުމަތް ކުރަމުންދާ ގޮތާބެހޭ މައުލޫމާތު ހިއްސާ ކުރުން.
(ރ) ޕްރޮބޭށަން މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ އަހުލާގާއި ހިދުމަތް ދިނުމުގައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ވާނަމަ، އެކަން މުވައްޒަފަށް ރަނގަޅު ކުރުމަށް އަންގައި ރިކޯޑު ކުރުން.
(ބ) މުވައްޒަފުގެ ޕްރޮބޭށަންގެ މުއްދަތު ހަމަވުމުގެ 7 ދުވަސް ކުރިން މި ގަވާއިދުގެ ޖަދުވަލު 9 ގައިވާ "ވަޒީފާގެ ޕްރޮބޭށަންގައި މުވައްޒަފުގެ ގާބިލުކަން އަންގާ ލިޔުން" ފުރިހަމަކޮށް މުވައްޒަފާ ހަވާލުކޮށް އަދި އޭނާގެ ޕަރސަލަން ފައިލްގައި ފައިލް ކުރުން.
102 ވަނަ މާއްދާ - ޕްރޮބޭށަންގައި ހުރި މުވައްޒަފެއް ވަޒީފާއިން ވަކިކުރުން
(ހ) ޕްރޮބޭށަންގެ މުއްދަތު ތެރޭގައި އެ މަގާމަށް އެ މީހަކު އެކަށީގެން ނުވާނަމަ، ނުވަތަ އެ މީހަކަށް އެ ވަޒީފާ ކަމުނުގޮސްގެން ވަކިވާން އެދިއްޖެ ނަމަ، ޕްރޮބޭށަންގެ މުއްދަތު ހަމަވުމުގެ ކުރިން އެ މުވައްޒަފެއް ވަކި ކުރަން ވާނެއެވެ.
(ށ) މި ގަވާއިދުގެ 101 ވަނަ މާއްދާގެ )ރ( ގައިވާ ގޮތުގެ މަތީން މުވައްޒަފަށް ރަނގަޅު ކުރުމަށް އަންގާފައިވާ ކަމެއް ނުވަތަ ކަންތައްތައް ރަނގަޅު ކޮށްފައި ނުވާނަމަ، މި ގަވާއިދުގެ 104 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިތުރު ނޯޓިހަކާ ނުލައި މުވައްޒަފު ވަޒީފާއިން ވަކި ކުރަން ވާނެއެވެ.
103 ވަނަ މާއްދާ - ވަޒީފާއިން ވަކިވުމާއި، ވަކިކުރުން
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފަކަށް ވަޒީފާއިން ވަކިވެވޭނީ، ނުވަތަ މުވައްޒަފެއް ވަޒީފާއިން ވަކިކުރެވޭނީ ތިރީގައި ވާ ގޮތުގެ މަތީންނެވެ. ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފެއް ވަޒީފާއިން ވަކިކުރެވޭނީ ކޮމިށަނަށެވެ. ނުވަތަ ކޮމިށަނުން އެކަން ކުރުމަށް ހަވާލު ކޮށްފައިވާ ފަރާތަކަށެވެ. މުވައްޒަފެއް ވަޒީފާއިން ވަކި ކުރަން ބޭނުންވެއްޖެނަމަ، މި މަސައްކަތް ކުރާނީ ކޮމިށަނުން ފަރުމާ ކޮށްފައިވާ ސޮފްޓްވެއަރ ބޭނުން ކޮށްގެންނެވެ. މި ސޮފްޓްވެއަރ ބޭނުން ނުކުރާ އޮފީސްތަކުގައި ބޭނުން ކުރާނީ މި ގަވާއިދުގެ ޖަދުވަލު 10 ގައިވާ "ވަޒީފާއިން ވަކި ކުރުމަށް ދަންނަވާ ޗިޓު" (ނަމޫނާ) އެވެ.
(ހ) ހިދުމަތުގެ އިގުރާރެއް (ބޮންޑެއް) ނެތް ކޮންމެ މުވައްޒަފަކަށްވެސް ތިރީގައި މިވާ ގޮތުގެ މަތީން ވަޒީފާއިން ވަކިވެވި ދާނެއެވެ.
- އެންމެ މަދުވެގެން 1 (އެކެއް) މަސް ދުވަހުގެ ނޯޓިސް، ލިޔުމަކުން ހުށަހެޅުމާއެކު، މަގާމުން އިސްތިއުފާ ދިނުމުގެ ހައްގު ލިބިގެން ވެއެވެ.
- މުވައްޒަފެއް މަގާމުން އިސްތިއުފާ ދީފިނަމަ، ސިޓީލާތާ، ލަސްވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، އެ މުވައްޒަފެއް ވަޒީފާއިން ވަކި ކުރަން ވާނެއެވެ.
- ނޯޓިސްގެ މުއްދަތުގައި، ވަޒީފާއިން ވަކި ކުރުމާ ހަމަޔަށް މުވައްޒަފު އޮފީހަށް ނުކުންނަން ވާނެއެވެ. ސިޓީލުމަށް ފަހު ކުރިއަށް ޗުއްޓީއެއް ހަމަޖެއްސުމަކާނުލައި ވިދިވިދިގެން މަސައްކަތު 15( ފަނަރަ( ދުވަހު އޮފީހަށް ހާޒިރުނުވެ ހުރެއްޖެނަމަ، ސިވިލް ސަރވިސްގެ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި އެ މުވައްޒަފެއް ވަޒީފާއިން ވަކިކުރެވޭނެއެވެ.
(ށ) އިންތިހާބުތަކުގައި ބައިވެރިވާ މުވައްޒަފުން ވަޒީފާއިން ވަކިވުމާއި، ވަކި ކުރުމުގައި އަމަލު ކުރާނީ ތިރީގައިމިވާ ގޮތުގެ މަތީންނެވެ.
- ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ސިޔާސީ މަގާމެއްގެ އިންތިހާބެއްގައި ބައިވެރިވެއްޖެނަމަ، އެ މުވައްޒަފެއް ސިވިލް ސަރވިސްގެ ވަޒީފާއިން ވަކި ކުރެވޭނެއެވެ.
- ގާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ސިޔާސީ މަގާމެއްގެ މެންބަރުކަމުގެ އިންތިހާބެއްގައި ވާދަ ކުރުމަށް ގަސްތުކުރާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން، އެ އިންތިހާބެއްގައި ބައިވެރިވުމުގެކުރިން އެ މުވައްޒަފެއް ހުރި ވަޒީފާއިން އިސްތިއުފާ ދޭން ވާނެއެވެ.
(ނ) މުވައްޒަފެއް ނިޔާވުމުން، އެހިނދުން، އެ މުވައްޒަފެއްގެ ސިވިލް ސަރވިސްގެ ވަޒީފާ ނިމުމަކަށް އައީއެވެ. ސިވިލް ސަރވިސްގެ މުވައްޒަފެއް ނިޔާވެއްޖެނަމަ، އެ މުވައްޒަފެއް ވަޒީފާ އަދާ ކުރާ އޮފީހަކުން، އެ ކަން މަސްއޫލު އޮފީސް މެދުވެރިކޮށް ކޮމިށަނަށް 15 (ފަނަރަ) ދުވަހުގެ ތެރޭގައި އަންގަން ވާނެއެވެ.
(ރ) ތިރީގައިވާ ސަބަބުތަކުންކުރެ ސަބަބެއް މެދުވެރިވެއްޖެނަމަ އެ މުވައްޒަފެއް ސިވިލް ސަރވިސްގެ ވަޒީފާއިން ވަކި ކުރެވޭނެއެވެ.
- ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ށަރުތެއް މުވައްޒަފެއްގެ ކިބައިން އުނިވުން ނުވަތަ މަގަމުގެ ށަރުތު ކަމުގައި ކަނޑައަޅައިފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް އުނިވުން. މީގެ ތެރޭގައި އެ ވަޒީފާއަކަށް ބޭނުންވާ ސިއްހަތާއި، އަހްލާގާއި ގައުމީ ސަލާމަތާއި ރައްކަތެރިކަމުގެ މިންގަ ނޑުން، ދަށްވުން ހިމެނެއެވެ.
- ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން އެ މުވައްޒަފެއް ހުރި ފަންތީގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ފުރިހަމައަށް އަދާ ކުރުމަށް ނުކުޅެދުން.
- ދިވެހިރާއްޖޭގައި އަމަލު ކުރާ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާން ކޮށްފައި ވާ، ވަޒީފާ އަދާ ނުކުރެވޭނެ ފަދަ ހާލަތެއް މެދުވެރިވުން.
- ވަޒީފާގެ ވާޖިބުތައް އަދާ ކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ތަމްރީނު ކޯހަކުން ފާސްނުވުން، ނުވަތަ ކޯސް ފުރިހަމަ ނުކުރުން.
- ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި، މި ގަވާއިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްއާ ހިލާފުވިކަން ސިވިލް ސަރވިސް ކޮމިށަނަށް ސާބިތުވުމުން އެ މީހަކު ކުރި ކުށެއްގެ ކުޑަބޮޑު މިނަށް ބަލައިގެން އަޅާ ފިޔަވަޅެއްގެ ގޮތުން.
- އެ މުވައްޒަފަކަށް ވަޒީފާ ލިބިފައި ވަނީ ވަޒީފާ ދިނުމުގައި ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި މި ގަވާއިދުގައި މުވައްޒަފުން ވަޒީފާއަށް އައްޔަން ކުރުމަށް ހަމަޖެހިފައިވާ ގޮތާ ހިލާފަށްކަން ސިވިލް ސަރވިސް ކޮމިށަނުން ކުރި ތަހުގީގަށް ސާބިތުވުން.
- މި ގަވާއިދުގެ ޗެޕްޓަރު 28 ގައި ބުނެފައިވާ ގޮތުގެ މަތީން ވަޒީފާއިން ވަކި ކުރުމަށް ކޮމިށަނުން ނިންމުން.
- ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން މުވައްޒަފެއް ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅި ކުރުން.
- މުވައްޒަފެއްގެ މައްޗަށް ށަރުއީ ކޯޓަކުން ކުށް ސާބިތުވެ އެކުށުގެ އަދަބެއްގެ ގޮތުން އެ މުވައްޒަފެއް ގޭގައި ނުވަތަ ޖަލުގައި ބަންދު ކުރުން ނުވަތަ އަރުވާލުން.
(ބ) ސިވިލް ސަރވިސްގައި ވަޒީފާ އަދާ ކުރާ ވަގުތީ މުވައްޒަފުން ވަޒީފާއިން ވަކި ކުރެވޭނީ ދާއިމީ މުވައްޒަފުން ވަކި ކުރުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މިގޮތުން ކޮންޓްރެކްޓް އެމްޕްލޯއިމަންޓް ނުވަތަ ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން ވަޒީފާ އަދާ ކުރާ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގައި އަމަލު ކުރާނީ، އެ މުވައްޒަފާއެކު ކުރެވިފައިވާ ވަޒީފާގެ އެއްބަސްވުމުގައި ބަޔާން ވެގެންވާ ގޮތެއްގެ މަތީންނެވެ.
104 ވަނަ މާއްދަ - ވަޒީފާއިން ވަކި ކުރުމުގެ ކުރިން ނޯޓިސް ދިނުން
(ހ) ވަޒީފާއާބެހޭ ގާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ސިވިލް ސަރވިސްގެ މުވައްޒަފެއް ވަޒީފާއިން ވަކި ކުރުމުގެ ކުރިން، މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާނަމަ، އަންނަނިވި ގޮތުގެ މަތީން ނޯޓިސް، ނުވަތަ އެ ނޯޓިހުގެ މުއްދަތުގެ ތެރޭގައި ލިބެންޖެހޭ މުސާރަ އާއި މަގާމާ ގުޅުވައިގެން ދެވޭ ހުރިހައި އިނާޔަތެއް ދޭން ވާނެއެވެ.
- 6 (ހަޔެއް) މަސް ދުވަހަށްވުރެ ކުރު ނޫން އަދި 1 (އެކެއް) އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފެއް ނަމަ 2 (ދޭއް) ހަފުތާގެ ނޯޓިސް ދިނުން.
- (އެކެއް) އަހަރަށްވުރެ ކުރު ނޫން އަދި 5 (ފަހެއް) އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފެއް ނަމަ 1 (އެކެއް) މަސްދުވަހުގެ ނޯޓިސް ދިނުން.
- 5 (ފަހެއް) އަހަރަށްވުރެ ގިނަ ދުވަހުގެ މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފެއްނަމަ 2 (ދޭއް) މަސްދުވަހުގެ ނޯޓިސް ދިނުން.
(ށ) މި ގަވާއިދުގެ ދަށުން ލިބިދޭ ޗުއްޓީއެއް މުވައްޒަފު ބޭނުން ކުރަމުންދާ ދަ ނޑިވަޅެއްގައި، އެ ޗުއްޓީއެއްގެ މުއްދަތާއެކު ނޯޓިސްގެ މުއްދަތު ގުނޭގޮތަށް މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ނޯޓިހެއް ދީގެން ނުވާނެއެވެ.
(ނ) މި މާއްދާގައި ނޯޓިސް ދިނުމަށް ބަޔާން ކޮށްފައިވާ މުއްދަތަށްވުރެ އިތުރު މުއްދަތަކަށް ނޯޓިސް ދިނުމުގައި، ކޮމިށަނާއި މުވައްޒަފާ ދެމެދު ވެވޭ އެއްބަސްވުމަކަށް، ނުވަތަ ވަކި މުއްދަތެއްގެ ކުރިން ނޯޓިސް ދޭންޖެހޭ ދިނުމާ ގުޅޭ ގޮތުން މުވައްޒަފަކަށް ލިބިގެންވާ ހައްގެއް އެއިރަކު އޭނާ ދޫކޮށްލުމަކަށް، މި މާއްދާ ހުރަހެއް ނާޅައެވެ.
(ރ) މި މާއްދާގެ ދަށުން ދެވޭ ނޯޓިސް ދޭންވާނީ ލިޔުމުންނެވެ.
105 ވަނަ މާއްދަ - ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ ދިނުން
ވަޒީފާއާބެހޭ ގާނޫނުގެ 25 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ވަޒީފާއިން ވަކި ކުރުމުގެ ގޮތުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި، އެ ނޯޓިސްގެ މުއްދަތު ފެށޭ ދުވަހުން ފެށިގެން އެ ނޯޓިސްގެ މުއްދަތު ނިމޭ ދުވަހާ ހަމަޔަށް އެ މުވައްޒަފަކަށް ލިބިދޭންޖެހޭ މުސާރަ އާއި އެހެނިހެން އިނާޔަތްތައް ހަމަޔަށް އޭނާއަށް ދިނުމަށްފަހު، ކޮމިށަނުން އެ މުވައްޒަފެއް ވަޒީފާއިން ވަކިކުރެވި ދާނެއެވެ.
106 ވަނަ މާއްދާ - ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުން
ގަވާއިދުގެ 273 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން މުވައްޒަފުގެ މަސައްކަތުގެ އަހުލާގު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ކަމެއްކަމަށް ކޮމިށަނަށް ނުފެންނަނަމަ، ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފެއް ވަޒީފާއިން ވަކި ކުރުމުގެ ބާރު ކޮމިށަނަށް ލިބިގެން ވެއެވެ.
ޗެޕްޓަރ 9
ވަގުތީ މުވައްޒަފުން
107 ވަނަ މާއްދާ - ތައާރަފު
ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 40 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން ވަގުތީ މުވައްޒަފުންނަކީ ސަރުކާރުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ނުކުންނަ ވަގުތީ ބޭނުންތައް ފުއްދުމަށް ނުވަތަ ވަގުތީ މަށްރޫއެއް ހިންގުމަށް ބޭނުންވެގެން ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތެއް ކުރުމަށް ވަޒީ ފާދެވޭ މީހުންނެވެ.
(ހ) ވަގުތީ މުވައްޒަފުންނަކީ "ކޮންޓްރެކްޓް އެމްޕްލޯއިމަންޓް" އުސޫލުން ނުވަތަ "ވޭޖް އެމްޕްލޯއިމަންޓް" އުސޫލުގެ ދަށުން ވަގުތީ މަސައްކަތްތަކަށް ސިވިލް ސަރވިސްގައި ހިދުމަތްކުރާ މުވައްޒަފުންނެވެ.
(ށ) ވަގުތީ މުވައްޒަފުން ސިވިލް ސަރވިސްއަށް ހިދުމަތްކުރާ ދުވަސްތައް ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފުން ހިދުމަތްކުރާ މުއްދަތާ އެއްފަދައިން ހިދުމަތުގެ މުއްދަތު ގުނޭނެއެވެ.
108 ވަނަ މާއްދާ - މުވައްޒަފުން ހޯދުމާއި މަގާމަށް ލެއްވުން
(ހ) "ކޮންޓްރެކްޓް އެމްޕްލޯއިމަންޓް" ގެ ދަށުން ވަޒީފާތަކަށް މީހުން ހޯދުމާއި، މީހުން ހޮވުމާއި، ވަޒީފާ ދިނުމުގައި އަމަލު ކުރާނީ، ސިވިލް ސަރވިސްގެ ދާއިމީ ވަޒީފާތަކަށް މީހުން ހޯދުމާއި، މީހުން ހޮވުމާއި، ވަޒީފާ ދިނުމުގައި އަމަލު ކުރާ އުސޫލުން މެރިޓަކީ އަސާސީ މިންގަ ނޑު ކަމަށް ބަލައިގެންނެވެ.
(ށ) ދިވެހި ސިވިލް ސަރވިސްގެ (ގާނޫނު 5/2007) ގެ 9 ވަނަ މާއްދާގެ (ނ) ގެ ދަށުން މި ޗެޕްޓަރުގައިވާ ގޮތުގެ މަތީން މުވައްޒަފުން ވަޒީފާއަށް ހޮވުމާއި ވަޒީފާއިން ވަކި ކުރުމުގެ އެންމެހައި މަސައްކަތެއް ކުރާނީ އެ އިދާރާއެއްގެ އެޗް.އާރު.އެމް.ޑީ ކޮމިޓީގެ ލަފާގެ މަތީން އެ އިދާރާއަކުންނެވެ.
(ނ) "ވޭޖް އެމްޕްލޯއިމަންޓް" ގެ ދަށުން ވަޒީފާތަކަށް މީހުން ނަގާނެ ގޮތް ކަނޑައަޅާނީ އެ އިދާރާއެއްގެ އެޗް.އާރު.އެމް.ޑީ ކޮމިޓީންނެވެ.
109 ވަނަ މާއްދާ - "ކޮންޓްރެކްޓް އެމްޕްލޯއިމަންޓް" އުސޫލުން މުވައްޒަފުން ގެންގުޅެވޭނެ ހާލަތްތައް
"ކޮންޓްރެކްޓް އެމްޕްލޯއިމަންޓް" އުސޫލުގެ ދަށުން މީހުން ހޮވަންވާނީ، އަންނަނިވި ހާލަތްތަކުގައެވެ
(ހ) އެ އިދާރާއެއްގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފެއް ވަގުތީ ގޮތުން ވަޒީފާއިން ވަކިވުން ނުވަތަ މަޔަކަށް ނުވަތަ ބަފަޔަކަށް ވުމުން ލިބޭ ޗުއްޓީ ނެގުމާ ގުޅިގެން އެ މުއްދަތަށް އެ މަގާމަށް މީހަކު ބޭނުންވުން.
(ށ) ވަގުތީ ގޮތުން ވަޒީފާއިން ވަކިކޮށް ސަރުކާރުން ބޮންޑު ކުރެވިގެން އިތުރު ތަމްރީނުތަކަށް ފޮނުވާ ފަރާތްތަކުގެ ތެރެއިން، އޮފީހަށް ރިޕޯޓު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ތަމްރީނު ފުރިހަމަ ކުރިކަމުގެ ސެޓުފިކެޓު ނުވަތަ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން އެޕްރޫވް ކޮށްފައިވާ ލިޔުން އޮފީހަށް ހުށަހެޅެން ނެތްފަރާތްތައް. އަދި މިގޮތަށް ކޮންޓްރެކްޓް އުސޫލުން ނެގޭ މުވައްޒަފުން އެ އިދާރާއާއެކު އެއްބަސް ވެވޭ ތާރީހަކަށް ހުށަހަޅަންޖެހޭ ސެޓުފިކެޓު ހުށަހަޅަން ވާނެއެވެ.
(ނ) މަގާމަކަށް އިއުލާނު ކުރެވޭހިނދު، އެ އިއުލާނު ކުރެވޭ މަގާމަށް ށަރުތު ހަމަވާ އެއްވެސް ފަރާތެއް ނުލިބި އަދި ދެވަނަ ފަހަރަށްވެސް އިއުލާނު ކުރުމުން އެ މަގާމަށް ށަރުތު ހަމަވާ ފަރާތެއް ނުލިބުން. މި ހާލަތުގައި އެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް.
(ރ) ސަރުކާރުން ދެމުންދާ ހިދުމަތެއް ދިނުމަށް އެކަށޭނެ ދިވެއްސަކު ނުލިބި އެ ހިދުމަތެއް ދިނުމަށް ބިދޭސީއަކު ގެންގުޅެން ޖެހުން. ނަމަވެސް، އެ ހިދުމަތެއް ދިނުމަށް އެކަށޭނަ ދިވެހިރައްޔިތުން ލިބޭގޮތް ވެއްޖެނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން ބިދޭސީ މީހާ ދޫކޮށްލުމަށްފަހު، އެ މަގާމަށް ދިވެއްސަކު ހަމަޖައްސަން ވާނެއެވެ. ބިދޭސީ މީހާއާ ކުރެވޭ ކޮންޓްރެކްޓްގައި ބަޔާން ކޮށްފައިވާ މުއްދަތު ހަމަނުވި ކަމުގައި ވިޔަސް ދިވެހިން ލިބިއްޖެނަމަ، މި ގަވާއިދުގެ 104 ވަނަ މައްދާ ނުވަތަ 105 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަމަލު ކުރުމަށްފަހު ކޮންޓްރެކްޓް ބާތިލުކުރެވޭނެކަން، ބިދޭސީ މީހާއާއި އެ އޮފީހަކާ ދެމެދު ކުރެވޭ ކޮންޓްރެކްޓްގައި ބަޔާން ކޮށްފައި އޮންނަން ވާނެއެވެ.
(ބ) ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށް އިތުރު އެހީ ބޭނުންވުން. މިގޮތަށް އެހީ ހޯދާނީ، ދިވެހި ސިވިލް ސަރވިސްގެ އިދާރާއެއްގައި ހިންގޭ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރުމަށް އިތުރު އެހީ ބޭނުންވުމުންނެވެ.
110 ވަނަ މާއްދާ - "ވޭޖް އެމްޕްލޯއިމަންޓް" އުސޫލުން މުވައްޒަފުން ގެންގުޅެވޭނެ ހާލަތްތައް
"ވޭޖް އެމްޕްލޯއިމަންޓް" އުސޫލުގެ ދަށުން މީހުން ހޮވަންވާނީ، އަންނަނިވި ހާލަތްތަކުގައެވެ.
(ހ) ވަކި ދުވަސްވަރެއްގައި މަސައްކަތް އިތުރުވުމުގެ ސަބަބުން، އިތުރުވާ މަސައްކަތް ކުރުމަށް. މިފަދަ ހާލަތެއްކަމަށް ބަލާނީ، ސިވިލް ސަރވިސްއިން އާދަކޮށް ދެމުންދާ ހިދުމަތުގެ ބާވަތުން، ވަކި ދުވަސްވަރެއްގައި މަސައްކަތް އިތުރުވުމުގެ ސަބަބުން، ވަޒީފާގައި ތިބި މުވައްޒަފުން ބޭނުންކޮށްގެން މަސައްކަތް ނުނިމި، މަސައްކަތް ނިންމުމަށް އިތުރު މީހުން ބޭނުންވުމަށެވެ.
(ށ) ދުވާލުގެ ރަސްމީ ގަޑީގެ މަދު ވަގުތެއްގައި ކުރަންޖެހޭ މަސައްކަތް ކުރަންޖެހުން. މަދު ވަގުތެއްގައި ކުރަންޖެހޭ މަސައްކަތެއް ކަމަށް ބަލާނީ، ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފުން ދުވާލަކު މަސައްކަތް ކުރަންޖެހޭ ރަސްމީ މަސައްކަތު ގަޑީގެ ދެބައިކުޅަ އެއްބަޔަށްވުރެ އިތުރުނުވާ ގޮތެއްގައި ކޮށް ނިންމޭފަދަ މަސައްކަތަކަށް ވާނަމައެވެ.
(ނ) ހިދުމަތް ދިނުމަށް އިތުރު އެހީ ބޭނުންވުން. މި ހާލަތުގައި އިތުރު އެހީ ހޯދަންވާނީ ސިވިލް ސަރވިސްގެ މުވައްޒަފެއް މެދުވެރިކޮށް ދެވޭ ހިދުމަތެއް ދިނުމުގައި، އެ ހިދުމަތެއް އިތުރަށް ފުރިހަމަކޮށް ދިނުމަށް އިތުރު މީހެއްގެ އެހީ ބޭނުން ވާނަމައެވެ.
111 ވަނަ މާއްދާ - ހާއްސަ ހާލަތުގައި ވަގުތީ ގޮތުން މަގާމަކަށް މީހަކު ހޮވުން
ސިވިލް ސަރވިސް މެދުވެރިކޮށް ދައުލަތުން ދެމުންދާ ހިދުމަތް މެދުކެނޑޭ ފަދަ ހާލަތުގައި، އެ ހިދުމަތް މެދުނުކެނޑި ދިނުމަށްޓަކައި އެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ކޮންޓްރެކްޓް އެމްޕްލޯއިމަންޓް އުސޫލުން، ތިރީގައިމިވާ ކަންތައްތައް ބަލައި ޔަގީން ކުރުމާއެކު، 3 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް، ވަގުތީ ގޮތުން މީހަކު ގެންގުޅުމުގެ އިހުތިޔާރު މަސްއޫލު އޮފީސްތަކުގެ ޕަރމަނަންޓް ސެކްރެޓަރީ، އަދި ޕަރމަނަންޓް ސެކްރެޓަރީންގެ ބެލުމުގެ ދަށުގައިނުވާ އިދާރާތަކުގެ ޒިންމާދާރު އިސްވެރިންނަށް ލިބިގެންވެއެވެ.
(ހ) އެ މަގާމަކީ އެ އޮފީހެއްގައި އޮތް މަގާމަކަށްވުން.
(ށ) އެ މަގާމަށް ބަޖެޓް ހަމަޖެހިފައިވާކަން ކަށަވަރު ކުރުން.
(ނ) އެ މަގާމަށް ނެގޭ މީހަކީ އެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ގާބިލުކަން ހުރި މީހެއްކަމަށް ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ ކަށަވަރު ކުރުން.
(ރ) އެ މަގާމަށް 3 މަސްދުވަހުގެ ތެރޭގައި ގަވާއިދާ އެއްގޮތަށް ދާއިމީ މުވައްޒަފަކު އައްޔަން ކުރުން. މި މަގާމަށް މުވައްޒަފަކު އައްޔަން ކުރުމުން މި މާއްދާގައި ބަޔާންކުރާ ވަގުތީ ގޮތުން ގެންގުޅޭ މީހާ ދޫކޮށްލަން ވާނެއެވެ.
112 ވަނަ މާއްދާ - މަސްއޫލިއްޔަތު އަދާ ކުރުމަށް ވަގުތީ ގޮތުން މީހުން ނެގޭނެ މުއްދަތު
(ހ) "ކޮންޓްރެކްޓް އެމްޕްލޯއިމަންޓް" އުސޫލުގެ ދަށުން މުވައްޒަފަކު ގެންގުޅެވޭނެ މުއްދަތު ތިރީގައި މިވަނީއެވެ.
- މުއްދަތު ކަނޑައެޅިފައިވާ މަގާމަކަށް ނަމަ، ގިނަވެގެން 2 (ދޭއް) އަހަރު ދުވަހަށެވެ.
- މުއްދަތު ކަނޑައެޅިފައިނުވާ އަދި ހާއްސަ ކުރެވިފައިވާ މަސައްކަތަކަށްނަމަ އެ މަސައްކަތެއްގެ މުއްދަތަށެވެ.
(ށ) ވޭޖް އެމްޕްލޯއިމަންޓް" އުސޫލުގެ ދަށުން މީހަކު ގެންގުޅެންވާނީ ކަނޑައެޅިފައި އޮންނަ ވަކި އެއްބަސްވުމެއްގައި، އެ އިދާރާއަކާއި އެ މީހަކާ ދެމެދު ސޮއިކޮށް، ގިނަވެގެން މަހަކު 250 ގަޑި އިރަށެވެ.
(ނ) ހަފުތާއަކު 16 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވާނަމަ އެ މީހެއްގެ މަސްއޫލިއްޔަތު ބަޔާންކޮށް ވަޒީފާ ބަޔާން ދޭން ވާނެއެވެ.
113 ވަނަ މާއްދާ - ވަގުތީ ގޮތުން ނަގާ މުވައްޒަފުން ގެންގުޅުން
ވަގުތީ ގޮތުން ގެންގުޅޭ މީހުންގެ ކަންކަން އިންތިޒާމުކޮށް ބަލަހައްޓާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
(ހ) މި ޗެޕްޓަރުގައިވާ ގޮތުގެ މަތީން ސިވިލް ސަރވިސްގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ވަގުތީ ގޮތުން މީހަކު ހޮވައި، ވަޒީފާގެ އެއްބަސްވުމުގައި މުވައްޒަފާއެކު ސޮއި ކުރުމަށްފަހު، 7 ދުވަހުގެ ތެރޭގައި މި ގަވާއިދުގެ ޖަދުވަލު 11 ގައިވާ "ވަގުތީ މުވައްޒަފުގެ މައުލޫމާތު ފޯމު" ފުރިހަމަކޮށް، ވަޒީފާގެ މަސައްކަތް ކުރުމަށް ބޭނުންކުރާ ސޮފްޓްވެއަރއަށް އަޅަންވާނެއެވެ.
(ށ) ވަޒީފާ ދެއްވި ޗިޓު އެ އިދާރާއަކުން ތައްޔާރުކޮށް މުވައްޒަފު ވަޒީފާއަށް ނުކުންނަ ފުރަތަ ދުވަހު އޭނާއާ ހަވާލު ކުރަން ވާނެއެވެ.
(ނ) މި ގަވާއިދުގައި އެހެން ގޮތަކަށް ބުނެފައި ނުވާ ނަމަ، ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން ގެންގުޅޭ މީހަކީ ސިވިލް ސަރވިސްގެ ދާއިމީ މަގާމެއްގައި ނުވަތަ ވަގުތީ މަގާމެއްގައި ހުރި މީހެއް ކަމުގައި ވެގެން ނުވާނެއެވެ.
(ރ) ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން ގެންގުޅޭ މީހަކީ، އެ އިދާރާއެއްގެ އޮނިގަނޑުގައި އޮތް މަގާމަކަށް ނަގާފައިވާ މީހެއްނަމަ، އޭނާއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ވަގުތު އޮއްވައި، އެ މީހާ ކުރާ މަސައްކަތް ނިސްބަތްވާ ސިވިލް ސަރވިސްގެ މަގާމަށް އާންމުކޮށް އިއުލާނުކޮށް، ސިވިލް ސަރވިސްގެ އެ މަގާމަކަށް އައްޔަން ކުރުމުގެ ށަރުތު ހަމަވާ މީހަކު ލިބޭތޯ ބަލަން ވާނެއެވެ.
(ބ) މި ޗެޕްޓަރުގެ ދަށުން ގެންގުޅޭ މީހުންގެ މައުލޫމާތު، އެ އިދާރާއެއްގައި އެކަމަށް ގާއިމު ކޮށްފައިވާ ރަޖިސްޓަރީގައި ލިޔެ ބަލަހައްޓަން ވާނެއެވެ. އަދި އެ މީހެއްގެ މައުލޫމާތު ފައިލު، މި ގަވާއިދުގެ 250 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހަދައި، އެ އިދާރާއަކުން ބަލަހައްޓަމުން ގެންދަން ވާނެއެވެ.
(ޅ) "ވޭޖް އެމްޕްލޯއިމަންޓް" އުސޫލުގެ ދަށުން ވަޒީފާ ދެވޭ ހުރިހާ ފަރާތްތަކަށް އެ އިދާރާއަކުންރިކޯޑު ކާޑު ނަންބަރެއް ދޭން ވާނެއެވެ. އަދި ކޮންމެ އިދާރާއެއްގައިވެސް އެ މުވައްޒަފުންގެ ދަފްތަރެއް ގާއިމުކޮށް ގަވާއިދުގައިވާ ގޮތުގެ މަތީން އެ މުވައްޒަފުންގެ މައުލޫމާތު ބަލަހައްޓަން ވާނެއެވެ. އެ މައުލޫމާތު ތަކަކީ ކޮމިށަނުން ބޭނުންވެއްޖެ ހިނދެއްގައި ފަސޭހަ ކަމާއެކު ލިބޭނެ ގޮތަށް ބެލެހެއްޓޭ މައުލޫމާތަކަށް ވާންޖެހޭނެއެވެ.
114 ވަނަ މާއްދާ - ގަވާއިދަށް އަމަލު ކުރުމާއި ފިޔަވަޅު އެޅުން
(ހ) މި ޗެޕްޓަރުގެ ދަށުން ގެންގުޅޭ މީހުން، ވަޒީފާ އަދާ ކުރުމުގައި ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓަށް ހުރުމަތްތެރިކޮށް ހިތަން ވާނެއެވެ.
(ށ) މި ޗެޕްޓަރުގެ ދަށުން ގެންގުޅޭ މީހަކު ކުރާ ކަމަކާ ގުޅިގެން އިސްލާހީ ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ އިސްލާހީ ފިޔަވަޅު އަޅާނީ، މި ގަވާއިދުގެ 28 ވަނަ ޗެޕްޓަރުގައިވާ ގޮތުގެ މަތީންނެވެ.
(ނ) މި ޗެޕްޓަރުގެ ދަށުން ބިދޭސީން ގެންގުޅޭނަމަ، ބިދޭސީން ގެންގުޅުމާ ބެހޭގޮތުން ދިވެހިރާއްޖޭގައި އަމަލު ކުރެވޭ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލު ކުރަން ވާނެއެވެ.
115 ވަނަ މާއްދާ - ޗުއްޓީ
(ހ) މި ޗެޕްޓަރުގެ ދަށުން ވަޒީފާ ދެވޭ މީހުންގެ ތެރެއިން "ކޮންޓްރެކްޓް އެމްޕްލޯއިމަންޓް"ގެ ދަށުން ވަޒީފާ ދެވޭ މުވައްޒަފުންގެ ޗުއްޓީ ހަމަޖައްސާނީ މުވައްޒަފާއެކު ވެވޭ އެއްބަސްވުމުގައި ވާ ގޮތުގެ މަތީންނެވެ.
(ށ) "ވޭޖް އެމްޕްލޯއިމަންޓް"ގެ ދަށުން ވަޒީފާ ދެވޭ މީހުންނަށް މި ގަވާއިދުގެ ދަށުން އެއްވެސް ޗުއްޓީއެއް ނުލިބޭނެއެވެ.
116 ވަނަ މާއްދާ - އުޖޫރަ
(ހ) "ކޮންޓްރެކްޓް އެމްޕްލޯއިމަންޓް" އުސޫލުގެ ދަށުން ވަޒީފާ ދެވޭ މުވައްޒަފުންނަށް އުޖޫރަ ދޭންވާނީ އޭނާގެ ތައުލީމީ ސެޓުފިކެޓުތަކާއި ތަޖުރިބާއަށް ބަލައި ސިވިލް ސަރވިސްގެ ދާއިމީ މަގާމުގެ ރޭންކުގެ މުސާރައާއި އިނާޔަތާ އެއް މިންވަރެއްގެ އުޖޫރައެކެވެ.
(ށ) "ކޮންޓްރެކްޓް އެމްޕްލޯއިމަންޓް" އުސޫލުން ނެގޭ މުވައްޒަފުންގެ ތެރެއިން މި ގަވާއިދުގެ 109 ވަނަ މާއްދާގެ (ށ) ބަޔާންކުރާ ހާލަތުގައި ނެގޭ މުވައްޒަފަށް އެ މީހަކަށް ހަމަޖައްސާ ވަޒީފާގެ އޮނިގަނޑުގައިވާ މަގާމުގެ ދަރަޖައިގެ (ރޭންކު) ގެ މުސާރައާއި އެލެވަންސްތައް ދޭން ވާނެއެވެ.
(ނ) އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ މި ގަވާއިދާ އެ މީހަކާއި އެ އިދާރާއަކާ ދެމެދު ވެވޭ އެއްބަސްވުމުގައި ވާ ގޮތުގެ މަތީން އިތުރުގަޑި ދިނުމަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދޭން ވާނެއެވެ.
(ރ) "ވޭޖް އެމްޕްލޯއިމަންޓް"ގެ ދަށުން ވަޒީފާ ދެވޭ މުވައްޒަފުންނަށް އުޖޫރަ ދޭނީ، އެ އިދާރައަކުންއެ މަސައްކަތަކަށް ކަނޑައަޅާ އުޖޫރައެކެވެ. އަދި މިގޮތަށް އުޖޫރަ ކަނޑައަޅަންވާނީ މަސައްކަތްކުރާ ވަގުތަށެވެ.
117 ވަނަ މާއްދާ - އެއްބަސްވުން
މި ޗެޕްޓަރުގެ ދަށުން ވަޒީފާ ދެވޭ ކޮންމެ މީހަކާ ދެމެދު ވަޒީފާގެ އެއްބަސްވުމެއް އޮންނަން ވާނެއެވެ. އަދި ވަޒީފާއަށް ނެރޭ ފުރަތަމަ ދުވަހު ވަޒީފާ ދޭ ފަރާތާއެކު އިދާރާއިން އެ އެއްބަސްވުމުގައި ސޮއި ކުރަން ވާނެއެވެ. މިގޮތުން ވެވޭ އެއްބަސްވުމުގެ ނަމޫނާ ޖަދުވަލު 12 ގައި އެވަނީއެވެ.
118 ވަނަ މާއްދާ - ހެލްތު އިންށުއަރަންސް
މި ޗެޕްޓަރުގެ ދަށުން ވަޒީފާ ދެވޭ މީހުންގެ ހިދުމަތުގެ މުއްދަތުގެ ތެރޭގައި ދާއިމީ މުވައްޒަފުންނެކޭ އެއްފަދައިން، ސިއްހީ ފަރުވާގެ ހަރަދު ހަމަޖައްސައި ދޭން ވާނެއެވެ.
119 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުން
މަސައްކަތް ނުވަތަ މަށްރޫއު ނިމުމުން، ނުވަތަ ވަޒީފާގެ އެއްބަސްވުމުގައި ކަނޑައަޅައިފައިވާ މުއްދަތު ހަމަވުމުން ނުވަތަ ވަޒީފާގެ އެއްބަސްވުމާ ހިލާފުވުމުން އެއްބަސްވުން ބާތިލުކޮށް އެ އިދާރާއަކުން އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނެއެވެ.
ޗެޕްޓަރ 10
މިސްކިތު މުވައްޒަފުން
120 ވަނަ މާއްދާ - ތައާރަފު
މިސްކިތު އިމާމުންނާއި މުދިމުން އަދި މިސްކިތު މަސައްކަތު މީހުންނަކީ، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ވާ ގޮތުގެ މަތީން، އެ ގާނޫނުގެ 4 ވަނަ ބާބުގައިވާ މާއްދާތަކުން އިސްތިސްނާ ކުރެވިފައިވާ މުވައްޒަފުންނަށްވާތީ، އެ މުވައްޒަފުންގެ މަސައްކަތު ވަގުތާއި، ހާޒިރީ ބެލެހެއްޓުމާއި، ގަޑީލާރި ކެނޑުމާއި، ބަންދު ދުވަސްތަކާއި މުވައްޒަފުންނަށް ދެވޭ ޗުއްޓީ އަދި ބަދަލުގައި މީހުން ހަމަޖެއްސުމުގައި އަމަލު ކުރަންޖެހޭނީ މި ޗެޕްޓަރުގައިވާ ގޮތުގެ މަތީންނެވެ.
121 ވަނަ މާއްދާ - މިސްކިތު މުވައްޒަފުންގެ މަސައްކަތު ދުވަސްތައް
މިސްކިތު މުވައްޒަފުންގެ ރަސްމީ މަސައްކަތު ދުވަހަކީ ހަފުތާގެ 7 (ހަތެއް) ދުވަހެވެ. އެގޮތުން މި ގަވާއިދުގެ 176 ވަނަ މާއްދާގައި ބަންދު ދުވަސްތައް ކަމުގައި ބަޔާ ކޮށްފައިވާ ދުވަސްތަކަކީ މިސްކިތު މުވައްޒަފުންގެ ރަސްމީ މަސައްކަތު ދުވަސްތަކެވެ.
122 ވަނަ މާއްދާ - މިސްކިތު މުވައްޒަފުންގެ މަސައްކަތު ވަގުތު
(ހ) މިސްކިތު އިމާމުންނާއި މުދިމުންގެ ރަސްމީ މަސައްކަތު ވަގުތަކީ ނަމާދު ވަގުތުތަކަށް މިސްކިތަށް ހާޒިރުވެ، ވަގުތަށް ބަންގި ގޮވުމާއި ނަމާދު ކުރުން ހިމެނޭގޮތަށް ފަރުޒު ފަސް ނަމާދުގެ ވަގުތެވެ.
- ނަމާދަކަށް ހޭދަކުރާ ވަގުތަކީ 1 (އެކެއް) ގަޑިއިރު ކަމުގައި ބެލެވޭނެއެވެ.
- މިސްކިތު އިމާމުންނާއި މުދިމުންގެ މަސައްކަތު ގަޑިކަމުގައި ބެލެވޭނީ ދުވާލަކު 5ގަޑިއިރުގެ ގޮތުގައި ހަފުތާއަކު ޖުމުލަ 35 ގަޑިއިރުއެވެ.
މިސްކިތު މަސައްކަތު މީހުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ދުވާލަކު 5 (ފަހެއް) ގަޑިއިރެވެ.
- މި މާއްދާގައި ބުނެފައިވާ ވަގުތު ބެހިފައިވަނީ ފަރުޒު ފަސް ނަމާދުގެ ވަގުތަށް މިސްކިތް ތައްޔާރު ކުރުމަށް ހޭދަ ކުރަންޖެހޭ ވަގުތުތަކާއި، މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅާ ސާފު ކުރުމަށް ނުވަތަ މިސްކިތާއި ގޯތިތެރެ ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހޭދަ ކުރަންޖެހޭ ވަގުތުތަކަށެވެ.
- ނަމާދު ވަގުތުތަކަށް މިސްކިތް ތައްޔާރު ކުރުމުގެ ގޮތުން މިސްކިތް ފޮޅާ ސާފު ކުރުމަށް އަދި މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅާ ސާފު ކުރުމަށް ނުވަތަ މިސްކިތާއި ގޯތިތެރެ ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ރެއަކާއި ދުވާލެއްގެ ތެރޭގައި 2 ގަޑި 30 މިނިޓް ހޭދަ ކުރަން ޖެހޭނެއެވެ. އެއީ ހަފުތާއަކު ޖުމުލަ 35 ގަޑިއިރެވެ.
123 ވަނަ މާއްދާ - މިސްކިތު މުވައްޒަފުންގެ އިތުރުގަޑި
(ހ) ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ކަނޑައަޅައިގެން އެ މުވައްޒަފުންގެ މަސައްކަތާ ގުޅޭ ގޮތުން، މިސްކިތު އިމާމުންނާއި މުދިމުން އަދި މިސްކިތު މަސައްކަތު މީހުން ލައްވައި ކުރުވާ މަސައްކަތްތަކަށް، އެ މަސައްކަތް ކުރުވި ވަގުތަކަށް އިތުރުގަޑީގެ ފައިސާ ދޭން ވާނެއެވެ.
(ށ) ފަރުޒު ފަސްނަމާދާ ގުޅިގެން ނޫންގޮތަކަށް ކުރާ އީދު ނަމާދު، ކަށު ނަމާދު، ކޭތަ ނަމާދު، ތަރާވީހު ނަމާދު ފަދަ ނަމާދުތަކަށް މިސްކިތް ތައްޔާރު ކުރުމަށް 30 މިނިޓް އިތުރުގަޑީގެ ގޮތުގައި ހަމަޖައްސައިގެން މިސްކިތު މަސައްކަތު މީހުން ލައްވައި މަސައްކަތް ކުރުވި ދާނެއެވެ.
(ނ) ތިރީގައިމިވާ ވަގުތު ތަކަށް މިސްކިތު އިމާމުންނާއި މުދިމުން ހާޒިރުވާނަމަ އެ ވަގުތުތައް ބަލަންޖެހޭނީ އިތުރު ގަޑީގެ ގޮތުގައި މަސައްކަތްކުރި ވަގުތުތަކަށެވެ.
- ފަރުޒު ފަސްނަމާދާ ގުޅިގެން ނޫންގޮތަކަށް ކުރާ ކަށު ނަމާދު، ކޭތަ ނަމާދު ފަދަ ނަމާދުތަކަށް، މިސްކިތު އިމާމުންނާއި މުދިމުންނަށް، 30 މިނިޓް އަދި ހިފްޒުކޮށް ތަރާވީހު ނަމާދު ކުރާނަމަ 2 (ދޭއް) ގަޑިއިރު، އެނޫން ގޮތަކަށް ތަރާވީހު ނަމާދު ކުރާނަމަ 1 (އެކެއް) ގަޑިއިރު އަދި އީދު ނަމާދަށް 1 (އެކެއް) ގަޑިއިރު.
- މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމަށް މިސްކިތުގައި އިމާމު ހުންނަން ޖެހޭނަމަ، 1 (އެކެއް) ގަޑިއިރު.
- ހުކުރު ނަމާދުކުރާ މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް، ކޮންމެ ހުކުރު ނަމާދު ވަގުތަކަށް 30 މިނުޓް.
(ރ) މިސްކިތު އިމާމުންނާއި މުދިމުން އަދި މިސްކިތު މަސައްކަތު މީހުންގެ މަސައްކަތުގެ ވަގުތު، މަތީގައި ދެންނެވިފައިވާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް މަސައްކަތްކުރާ ސަރުކާރު ބަންދު ދުވަސްތަކަށް، ވަޒީފާއާބެހޭ ގާނޫނުގެ 38 ވަނަ މާއްދާގެ (ށ) އަދި މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ބަންދު ދުވަހުގެ ފައިސާ ދޭން ވާނެއެވެ.
124 ވަނަ މާއްދާ - މިސްކިތު މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން
(ހ) މިސްކިތު އިމާމުންނާއި މުދިމުން، ކޮންމެ ނަމާދަކަށް ހާޒިރުވެ މަސައްކަތު ހާޒިރީގައި ސޮއި ކުރަން ވާނެއެވެ. ހާޒިރީ ތައްޔާރު ކުރެވިފައި އޮންނަންވާނީ ކޮންމެ ދުވަހަކު ކޮންމެ ނަމާދަކަށް ހާޒިރުވި ގަޑި ޖަހައި ސޮއި ކުރެވޭ ގޮތަށެވެ.
(ށ) މިސްކިތު މަސައްކަތު މުވައްޒަފުން؛
- ކޮންމެ ނަމާދަކަށް ހާޒިރުވެ މަސައްކަތު ހާޒިރީގައި ސޮއި ކުރަން ވާނެއެވެ.
- މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅާ ސާފު ކުރުމަށް ނުވަތަ މިސްކިތާއި ގޯތިތެރެ ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް، ކޮންމެ ދުވަހަކު ހާޒިރުވި ގަޑިއާއި މަސައްކަތް ނިންމި ގަޑި ޖަހައި ސޮއި ކުރަން ވާނެއެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެ މަތީން، މަސައްކަތަށް ނުކުމެ ކުރަންޖެހޭ ސޮއި ކުރުމުގެ އިތުރަށް މުވައްޒަފުގެ މަސައްކަތް ސުޕަވައިޒުކޮށް ބަލަހައްޓާ އިދާރާއަށް ރަސްމީ ދުވަސްތަކުގައި ނުކުމެ މެންދުރުފަހު 1:00 ގެ ކުރިން ސޮއި ކުރަން ވާނެއެވެ. މި ވަގުތަށް އޮފީހަށް ހާޒިރު ނުވި ނަމަވެސް ގަޑީލާރިއެއް ނުކެނޑޭނެއެވެ. ނަމަވެސް ގަވާއިދުގައިވާ ގޮތުގެ މަތީން އެ މުވައްޒަފަކާ މެދު އިސްލާހީ ފިޔަވަޅު އެޅޭނެއެވެ.
(ރ) މިސްކިތު އިމާމުންނާއި މުދިމުން އަދި މިސްކިތު މަސައްކަތު މީހުން އިތުރުގަޑީގައި ކުރާ މަސައްކަތުގެ ރިކޯޑު ބެލެހެއްޓުމަށް މަސައްކަތް ފެށި ގަޑިއާއި ނިންމި ގަޑި ޖަހައި، އިތުރުގަޑީގައި ކުރި މަސައްކަތުގެ ހުލާސާއެއް ލިޔެ ސޮއި ކުރެވޭ ގޮތަށް އަދި އިތުރުގަޑީގައި މަސައްކަތް ކުރުމަށް ހުއްދަ ދިން ފަރާތުގެ ސޮއި ކުރެވޭ ގޮތަށް، އިތުރުގަޑީގެ ހާޒިރީއެއް އޮންނަން ވާނެއެވެ.
(ބ) މިސްކިތު އިމާމުންނާއި މުދިމުންގެ ހާޒިރީއާއި މަސައްކަތް، އެ އިދާރާއެއްގެ ޒިންމާދާރު އިސްވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ގޮތެއްގެ މަތީން ސުޕަވައިޒުކޮށް ބަލަހައްޓަން ވާނެއެވެ. މިސްކިތު މަސައްކަތު މީހުންގެ ހާޒިރީ އާއި މަސައްކަތް، މިސްކިތު އިމާމު ނުވަތަ މުދިމު ސުޕަވައިޒުކޮށް ބަލަހައްޓަން ވާނެއެވެ. މި މާއްދާގައި ސުޕަވައިޒު ކުރުމުގެ ކަންކަން ބެލެހެއްޓުން އިސްވެ ބުނެވުނު ގޮތަށް އޮތް ކަމުގައިވިޔަސް، އެނޫން ގޮތަކަށް އެ އިދާރާއެއްގެ އެޗް.އާރު.އެމް.ޑީ ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތީން، ބެލެހެއްޓުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ޅ) މިސްކިތުގެ އިމާމުންނާއި މުދިމުން އަދި މިސްކިތު މަސައްކަތު މީހުންގެ ހާޒިރީ، މަދުވެގެން ހަފުތާއަކު އެއްފަހަރު ޗެކްކޮށް، އެ މުވައްޒަފުން މަސައްކަތްކުރާ އިދާރާގެ ޒިންމާދާރު އިސްވެރިޔާ ހާޒިރީގައި ސޮއި ކުރަން ވާނެއެވެ.
(ކ) މި މާއްދާގައިވާ ގޮތަށް ކަންކަން އިންތިޒާމު ކުރުމުގެ އިތުރަށް، މި ގަވާއިދާ ހިލާފުނުވާ ގޮތުގެ މަތީން އެނޫން އެހެން އިންތިޒާމެއް ހަމަޖެއްސުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
125 ވަނަ މާއްދާ - މިސްކިތު މުވައްޒަފުންގެ ގަޑީލާރި ކެނޑުން
(ހ) މިސްކިތު އިމާމުންނާއި މުދިމުން، ފަރުޒު ފަސް ނަމާދުގެ ވަގުތުގެ ތެރެއިން އެއްވެސް ވަގުތެއްގައި ބަންގި ގޮވުމަށާއި ނަމާދަށް ހާޒިރުނުވެއްޖެނަމަ، އެ މުވައްޒަފެއްގެ މުސާރައާއި ސަރވިސް އެލެވަންސްއިން 1 (އެކެއް) ގަޑިއިރަށް ޖެހޭ މިންވަރު ހިސާބު ކުރުމަށްފަހު، އެއަދަދަށް ގަޑީލާރީގެ ގޮތުގައި އުނި ކުރަން ވާނެއެވެ.
(ށ) މިސްކިތު މަސައްކަތު މީހުން، ފަރުޒު ފަސްނަމާދަށް މިސްކިތް ތައްޔާރު ކުރުމަށާއި، މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅާ ސާފު ކުރުމަށް ނުވަތަ މިސްކިތާއި ގޯތިތެރެ ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަނޑައަޅާފައިވާ މިންވަރަށް ވަގުތު ހޭދަ ކޮށްފައި ނުވާނަމަ، މުސާރައާއި ސަރވިސް އެލަވަންސް އިން ދުވަހަކަށް ޖެހޭ އަދަދު 5 ބަޔަށް ބަހާލައި، ނިސްބަތުން ހާޒިރުނުވާ ވަގުތަށްޖެހޭ މިންވަރު ގަޑީލާރީގެ ގޮތުގައި އުނި ކުރަން ވާނެއެވެ.
(ނ) މިސްކިތު އިމާމުންނާއި މުދިމުން އަދި މިސްކިތު މަސައްކަތު މީހުން ޒިންމާދާރު އިސްވެރިޔާގެ ނުވަތަ ސުޕަވައިޒަރުގެ ހުއްދަ ހޯދުމަކާ ނުލައި ފަތިސް ނަމާދުން ފެށިގެން އަސްރު ނަމާދަށް ނުވަތަ ފަތިސް ނަމާދުން ފެށިގެން އަސްރު ނަމާދުގެ ދެމެދުގައިވާ އެއްވެސް ނަމާދަކަށް ހާޒިރުނުވާނަމަ ނުވަތަ ހާޒިރު ނުވެވޭނެކަން މި ގަވާއިދާ އެއްގޮތަށް ޒިންމާދާރު އިސްވެރިޔާއަށް ރިޕޯޓު ކޮށްފައި ނުވާނަމަ، އެ ދުވަހަކީ އެ މުވައްޒަފެއް ހާޒިރު ނުވާ ދުވަހެއް ކަމަށް ބަލައި، އެ ދުވަހެއްގެ އުޖޫރަ އުނި ކުރުމާއެކު، ގަވާއިދު ގައިވާ ގޮތުގެ މަތީން އެ މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅު އަޅަން ވާނެއެވެ.
(ރ) ވަޒީފާ އަދާ ކުރުމަށް އުޒުރުވެރިވާ ހާލަތެއް މެދުވެރި ވެއްޖެނަމަ، ކުރިއަށް އޮތް ނަމާދު ވަގުތު ޖެހުމުގެ 1 (އެކެއް) ގަޑިއިރު ކުރިން، ޒިންމާދާރު އިސްވެރިޔާ ނުވަތަ ސުޕަވައިޒަރަށް އަންގަން ވާނެއެވެ. މުވައްޒަފަށް ދިމާވި ހާލަތަކީ އެކަށީގެންވާ ސަބަބެއްތޯ ބަލައި، އެ ސަބަބަށް ރިއާޔަތްކޮށް މުވައްޒަފު އެ ނަމާދަށް ހާޒިރު ނުވުމަށް ހުއްދަ ދިނުމުގެ އިހުތިޔާރު ޒިންމާދާރު އިސްވެރިޔާއަށް ނުވަތަ ސުޕަވައިޒަރަށް ލިބިގެން ވެއެވެ.
(ބ) މި ޗެޕްޓަރުގެ ބޭނުމަށް ދުވަހުގެ ބޮޑު ބައިގައި މަސައްކަތް ކުރި ކަމަށް ބަލާނީ، މި މާއްދާގެ (ނ) ގައި ބުނެފައިވާ 3 ނަމާދު ވަގުތު އެކީގައި ފުރިހަމަ ކޮށްފައިވުން ނުވަތަ އެއިން ނަމާދެއް ފުރިހަމަ ނުކުރެވި ވަނީ މި މާއްދާގެ (ރ) ގައިވާގޮތުގެ މަތީން ކަމަށް ވާނަމައެވެ.
126 ވަނަ މާއްދާ - މިސްކިތު މުވައްޒަފުންގެ ޗުއްޓީ
(ހ) މިސްކިތު މުވައްޒަފުންގެ ސަލާމުގެ އަދި އާއިލީ ޒިންމާގެ ޗުއްޓީ ދިނުމުގައި އަމަލު ކުރާނީ ތިރީގައި މިވާ ގޮތުގެ މަތީންނެވެ.
- ސަލާމުގެ ޗުއްޓީ އަދި އާއިލީ ޒިންމާގެ ޗުއްޓީ ދިނުމުގައި އަމަލު ކުރާނީ މި ގަވާއިދުގެ 18 ވަނަ ޗެޕްޓަރުގައިވާ އިޖުރާއަތްތަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. ނަމަވެސް ފަތިސް ނަމާދަށް ދިއުމުގެ ކުރިން ސަލާމުގެ ޗުއްޓީ ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީ ނަގަންޖެހޭ މުވައްޒަފުން އަމަލު ކުރަންޖެހޭ ގޮތެއް އެ އިދާރާއެއްގެ އެޗް.އާރު.އެމް.ޑީ ކޮމިޓީން ކަނޑައަޅައި އެ އިދާރާއަކުން މުވައްޒަފުންނަށް އަންގަން ވާނެއެވެ.
- ސަލާމުގެ ޗުއްޓީ އަދި އާއިލީ ޒިންމާގެ ޗުއްޓީ ދުވަސްތައް ގުނާނީ މި ގަވާއިދުގެ 176 ވަނަ މާއްދާގައިވާ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
(ށ) މި ގަވާއިދުގެ 178 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މިސްކިތު މުވައްޒަފުންނަށް އަހަރީ ޗުއްޓީ ނެގި ދާނެއެވެ. މިގޮތުން ސިވިލް ސަރވިސްގެ އާންމު މުވައްޒަފުންނާ އެއްގޮތަށް މިސްކިތު މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދޭންވާނީ މި ގަވާއިދުގެ 176 ވަނަ މާއްދާގައިވާ ބަންދު ދުވަސްތައް ނުހިމަނައެވެ.
(ނ) މިސްކިތު މުވައްޒަފުންގެ އެހެނިހެން ޗުއްޓީތައް މި ގަވާއިދުގެ 18 ވަނަ ޗެޕްޓާ ގައިވާ ގޮތުގެ މަތީން ނެގި ދާނެއެވެ.
127 ވަނަ މާއްދާ - މިސްކިތު މުވައްޒަފުންގެ ބަދަލުގައި މީހުން ހަމަޖެއްސުން
މިސްކިތު އިމާމުންނާއި މުދިމުން، ނުވަތަ މިސްކިތު މަސައްކަތު މީހުން، ޗުއްޓީ ނެގުމުން ނުވަތަ މަސައްކަތަށް ހާޒިރު ނުވުމުން އެ މަސައްކަތް ކުރާނޭ އެހެން މުވައްޒަފެއް ނެތް ހާލަތުގައި، އެ މުވައްޒަފެއްގެ ބަދަލުގައި، މި ގަވާއިދުގެ 9 ވަނަ ޗެޕްޓަރުގައިވާ ގޮތުގެ މަތީން، މުވައްޒަފަކު ގެންގުޅެވި ދާނެއެވެ. މިފަދަ ހާލަތުގައި މުވައްޒަފު މަސައްކަތްކުރާ އިދާރާ ފިޔަވައި އެހެން އިދާރާއެއްގައި މަސައްކަތްކުރާ ސިވިލް ސަރވިސްގެ މުވައްޒަފަކަށް އެ މުވައްޒަފެއްގެ މަސައްކަތަށް ބުރޫނާރާ ގޮތަށް ވަގުތީ ގޮތުން މުދިމުކަން/އިމާމުކަން ކުރެވި ދާނެއެވެ.
128 ވަނަ މާއްދާ - އިމާމުންނާއި މުދިމުން މިސްކިތްތަކަށް ހަމަޖެއްސުން
(ހ) ރަށްރަށުގެ މިސްކިތްތަކަށް އިމާމުންނާއި މުދިމުން ހަމަޖައްސަނީ، އެރަށެއްގެ ކައުންސިލްގެ އިދާރާގެ އިމާމު/މުދިމުގެ މަގާމަށް ކަމުގައިވާތީ (ވަކި މިސްކިތެއްގެ ނަމުގައި މުވައްޒަފުން ހަމަނުޖައްސާތީ)، އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާގެ އިމާމުން/މުދިމުން މިސްކިތްތަކަށް ހަމަޖައްސާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
- ރަށުގެ/އަވަށުގެ މިސްކިތްތަކަށް އިމާމުން/މުދިމުން އެރަށުގެ/އަވަށުގެ މިސްކިތްތަކަށް ހަމަޖެއްސުމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް އެ މުވައްޒަފުންގެ މެދުގައި ހުޅުވައިލުން.
- ރަށުގެ/އަވަށުގެ އިސް މިސްކިތަށް/ހުކުރު މިސްކިތަށް މެރިޓް އުސޫލުން އެންމެ ގާބިލު މުވައްޒަފެއް ހަމަޖެއްސުން.
- ކޮންމެ އިމާމަކަށް/މުދިމަކަށް ވެސް އެ މީހަކު ދިރިއުޅޭ ތަނަކާއި އެންމެ ކައިރީގައިވާ މިސްކިތެއްގައި މަސައްކަތް ކުރުމަށް ހަމަޖެއްސުން. މިގޮތުން ދެމީހަކު އެއް މިސްކިތަކަށް ހަމަޖައްސަން ޖެހިއްޖެނަމަ، މެރިޓް އުސޫލުން ހޮވޭ
ފަރާތަކަށް އިސްކަން ދިނުން. މެރިޓް އުސޫލުން އެއްވަރުވެއްޖެނަމަ، ގުރުއަތުން ހޮވޭ ފަރާތަކަށް އިސްކަން ދިނުން.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މެރިޓް އުސޫލުން އެންމެ ގާބިލު އިމާމު/މުދިމު ކަނޑައެޅުމަށް ޕޮއިންޓް ދޭނީ ތިރީގައިވާ އުސޫލުންނެވެ.
- މުދިމުކަމުގެ ސަނަދު ލިބިފައިވާނަމަ ނުވަތަ ހުކުރު ކުރުމުގެ ސަނަދު ލިބިފައިވާނަމަ ނުވަތަ ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލު ކުރައްވާފައިވާނަމަ، 3 ޕޮއިންޓް ދިނުން.
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ގަބޫލުކުރާ ދީނީ މަރުކަޒަކުން މަތީ ސާނަވީ ސެޓުފިކެޓު ނުވަތަ ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކުރައްވާފައިވާނަމަ، 5 ޕޮއިންޓް ދިނުމާއި، ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ހާސިލު ކުރައްވާފައިވާނަމަ، 10 ޕޮއިންޓް ދިނުމާއި، ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލު ކުރައްވާފައިވާނަމަ، 15 ޕޮއިންޓް ދިނުމާއި، ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލު ކުރައްވާފައިވާނަމަ، 20 ޕޮއިންޓް ދިނުމާއި، ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލު ކުރައްވާފައިވާނަމަ، 25 ޕޮއިންޓްދިނުން އަދި ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލު ކުރައްވާފައިވާނަމަ، 30 ޕޮއިންޓްދިނުން.
- ކީރިތި ގުރުއާން ހިތުދަސްނަމަ، 15 ޕޮއިންޓް ދިނުން.
- ގާރީކޯސް ފުރިހަމަކޮށް ސެޓުފިކެޓު ހާސިލު ކޮށްފައިވާނަމަ، އެއްވަނަ ދަރަޖައިގެ ސެޓުފިކެޓަށް 15 ޕޮއިންޓް، ދެވަނަ ދަރަޖައިގެ ސެޓުފިކެޓަށް 10 ޕޮއިންޓް އަދި ތިންވަނަ ދަރަޖައިގެ ސެޓުފިކެޓަށް 5 ޕޮއިންޓް ދިނުން. ގާރީ ކޯސް ފުރިހަމަ ކުރިމަކަށް ބަލާނީ އެޑްވާންސްޑް ސެޓުފިކެޓު (މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް 4 ގެ ސެޓުފިކެޓެއް) ހާސިލު ކޮށްފައި ވާނަމައެވެ.
(ނ) މިސްކިތު މަސައްކަތު މީހުންވެސް މިސްކިތްތަކަށް ހަމަޖެއްސުމުގައި އެ މީހަކު ދިރިއުޅޭ ތަނަކާއި އެންމެ ކައިރީގައިވާ މިސްކިތެއްގައި މަސައްކަތް ކުރުމަށް ހަމަޖެއްސުން. މިގޮތުން ދެމީހަކު އެއް މިސްކިތަކަށް ހަމަޖައްސަން ޖެހިއްޖެނަމަ، ވަޒީފާގައި ގިނަ ދުވަސްވީ ފަރާތަށް އިސްކަންދޭން ވާނެއެވެ.
ޗެޕްޓަރ 11
ވޮލަންޓިއަރުންގެ ހިދުމަތް ލިބިގަތުން
129 ވަނަ މާއްދާ - ތައާރަފު
(ހ) ވޮލަންޓިއަރުންނަކީ ސިވިލް ސަރވިސްގެ އިދާރާއަކުން ދޭ ހިދުމަތެއް ދިނުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމަށް އިދާރާއާއި އެ މީހަކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ވަކި މުއްދަތަކަށް މަސައްކަތްކުރާ ފަރާތްތެކެވެ. ވޮލަންޓިއަރުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުންނެއް ނޫނެވެ.
(ށ) މީގެތެރޭގައި އިންޓަރންށިޕް ފުރިހަމަ ކުރުމަށާއި، އެޕްރެންޓިސްށިޕްގެ ގޮތުގައި ވޮލަންޓަރީ ސަރވިސްދޭ ފަރާތްތައް ހިމެނޭނެއެވެ. ނަމަވެސް ވޮލަންޓިއަރުން ބޭނުންކޮށްގެން ދިވެހި ސިވިލް ސަރވިސް އިން ދޭ ހިދުމަތެއް، މިއުސޫލާއެއްގޮތަށް، ބޭނުން ކުރެވި ދާނެއެވެ.
130 ވަނަ މާއްދާ - ވޮލަންޓިއަރުން ގަވާއިދަށް އަމަލު ކުރުން
ދިވެހި ސިވިލް ސަރވިސްގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާ ކުރާ ވޮލަންޓިއަރުން ވަޒީފާއާބެހޭ ގާނޫނަށާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށާއި ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ކޯޑް އޮފް ކޮންޑަކްޓަށާއި، ގަވާއިދުތަކަށާއި، އުސޫލުތަކަށާއި، އެންގުންތަކަށް ތަބައަވާން ޖެހޭނެއެވެ.
131 ވަނަ މާއްދާ - ވޮލަންޓިއަރުންގެ ހިދުމަތް ލިބިގަތުން
މި ގަވާއިދުގައިވާ ގޮތުގެ މަތީން ވޮލަންޓިއަރުންގެ ހިދުމަތް ލިބިގަނެވޭނެ ގޮތްތައް ތިރީގައި މިވަނީއެވެ.
(ހ) އޮފީސްތަކުގެ އޮނިގަނޑުތައް ހަމަޖެހިފައިވާ ގޮތުން އެ އޮފީހުގެ ސިވިލް ސަރވިސްގެ މަގާމަކަށް ށަރުތު ހަމަވާ މީހަކު ނުލިބުން.
(ށ) ކިޔަވާ ނިންމުމަށްފަހު ވަޒީފާ އަދާ ކުރުމުގެ މާހައުލަށް އަހުލުވެރިވުމަށް ބޭނުންވެ އެކަމަށް އެދޭ ފަރާތްތައް.
(ނ) އެ އިދާރާއެއްގެ ބަޖެޓްގެ ތާށިކަމާހުރެ މުވައްޒަފަކު ނެގެން ނެތްނަމަ، އެ ފަދަ މަގާމެއްގެ މަސްއޫލިއްޔަތު އަދާ ކުރުމަށް.
132 ވަނަ މާއްދާ - ވޮލަންޓިއަރުން ސުޕަވައިޒް ކުރުން
(ހ) ސިވިލް ސަރވިސް މުވައްޒަފެއްގެ ސުޕަވައިޒަރަކަށް ވޮލަންޓިއަރެއް ހަމަޖައްސައިގެން ނުވާނެއެވެ. ނަމަވެސް މުވައްޒަފުން އެކުގައި މަސައްކަތްކުރާ ހާލަތުގައި ދޭންޖެހޭ އިރުށާދުތައް ދިނުން މީގެ ތެރެއަކު ނުހިމެނޭނެއެވެ.
(ށ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތީން ދައުލަތުގެ ސިއްރު ހިފެހެއްޓުމަށާއި، ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި، ގަވާއިދާއި، ކޯޑު އޮފް ކޮންޑަކްޓް އަދި ވަޒީފާއާބެހޭ ގާނޫނާ ހިލާފުނުވާ ގޮތެއްގެ މަތީން އަމަލު ކުރުމަށާއި، ކުރާ މަސައްކަތަށް ނުވަތަ ދޭ ހިދުމަތަށް އުޖޫރައެއް ނުލިބޭގޮތަށް ކުރެވޭ އެއްބަސްވުމެއްގައި ވޮލަންޓިއަރުން ގެންގުޅޭ އޮފީސްތަކުން ސޮއި ކުރުވަން ވާނެއެވެ.
(ނ) ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުން ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދާއި ކޯޑު އޮފް ކޮންޑަކްޓަށް އިހްތިރާމް ކުރުމާއެކު، އެ ފަރާތާއެކު ކުރެވޭ އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ ކަންތައްތަކަށް އަމަލު ކުރޭތޯ އެ ވޮލަންޓިއަރެއްގެ ސުޕަވައިޒަރު ކަށަވަރު ކުރަން ވާނެއެވެ.
(ރ) ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ހަވާލުކުރެވޭ ފަރާތުގެ މަސައްކަތް ސުޕަވައިޒުކޮށް ބަލައި އެ ފަރާތުގެ މަސައްކަތުގެ ރިކޯޑު އެ އޮފީހަކުން ބަލަހައްޓަމުން ގެންދަން ވާނެއެވެ.
(ބ) މަސައްކަތުގެ މާހައުލުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރާ މީހުންނާއި ސިވިލް ސަރވިސްގެ މުވައްޒަފުންނާ އެއް ހަމައަކުން މުއާމަލާތު ކުރުމާއެކު، ބައިވެރި ކުރަން ވާނެއެވެ.
(ޅ) މި މާއްދާގައި ބަޔާން ކޮށްފައިވާ ކަމަކާ މެދު އިތުރު މައްސަލައެއް ދިމާވެއްޖެނަމަ ނުވަތަ ސުވާލެއް އުފެދިއްޖެނަމަ ކޮމިށަނާ މަށްވަރާކޮށްގެން އެ ކަމަކަށް ގޮތެއް ނިންމަން ވާނެއެވެ.
133 ވަނަ މާއްދާ - ވޮލަންޓިއަރުންގެ ހިދުމަތަށް މީހުން ހޮވުން
ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް މީހުން ހޮވުމުގައި ތިރީގައިމިވާ ގޮތްތަކުންކުރެ ގޮތަކަށް އަމަލު ކުރެވި ދާނެއެވެ.
(ހ) ސިވިލް ސަރވިސްގެ މުވައްޒަފުން ހިދުމަތްދޭ އިދާރާއެއްގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތެއް ބޭނުންވެއްޖެ ހިނދެއްގައި އެފަދަ ފަރާތެއް ހޯދާނީ އެކަމަށް އާންމުކޮށް އިއުލާނުކޮށް، މެރިޓް އުސޫލުންނެވެ.
(ށ) ސަރުކާރުން ޑިކްލެއަރކޮށް، އާންމުކޮށް އިއުލާންކޮށް، ކުއްލި ހާލަތަކާ ގުޅިގެން އުފެދޭ ބޭނުންތަކަށް މަތީގައި ދެންނެވިފައިވާ ގޮތަށް އިއުލާނު ކުރުމުން އަވަހަށްދޭންޖެހޭ ހިދުމަތަކަށް ބުރޫއަރާފާނޭކަމަށް ދާއިރާގެ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާއަށް ފެނިއްޖެ ހާލަތެއްގައި، އިއުލާނު ނުކޮށް ވޮލަންޓިއަރުންގެ ހިދުމަތް ހޯދި ދާނެއެވެ.
(ނ) ވޮލަންޓަރީ ސަރވިސް ދިނުމަށް އެއްވެސް ފަރާތަކުން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް އެ އިދާރާއަކަށް ހުށަހަޅަން ވާނެއެވެ. މިގޮތުން އެދޭފަރާތްތަކުގެ ހިދުމަތް އެ އިދާރާއަކަށް ލިބިގަތުމަށް ނިންމަވާނީ އެ އިދާރާއަކުންނެވެ.
(ރ) ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ކުރެވޭ މަސައްކަތުގެ އެއްބަސްވުމުގައި، މި އުސޫލުގައި ހިމެނޭ، ވޮލަންޓިއަރުންގެ ހިދުމަތް ލިބިގަތުމާއި، ހިދުމަތް ލިބިގަތުން ހުއްޓާލުމުގައި އަމަލު ކުރާނެ ގޮތް ބަޔާން ކުރަން ވާނެއެވެ.
134 ވަނަ މާއްދާ - ވޮލަންޓިއަރުންގެ ހިދުމަތް ލިބިގަތުން ހުއްޓާލުން
ވޮލަންޓިއަރެއްގެ ގޮތުގައި ހިދުމަތް ކުރުމަށް ސިވިލް ސަރވިސްގައި ގެންގުޅޭ ފަރާތްތަކާއެކު ކުރެވިފައިވާ އެއްބަސްވުން ބާތިލުކޮށް ހިދުމަތް ލިބިގަތުން ވަގުތުން ހުއްޓާލެވޭނެ ހާލަތްތަކަކީ:
(ހ) ސިވިލް ސަރވިސްގެ މުވައްޒަފުން ހިދުމަތް ދޭ އިދާރާއެއްގައި ވޮލަންޓިއަރަކާއި އެ އިދާރާއަކާ ދެމެދު ކުރެވިފައިވާ އެއްބަސްވުމާ ހިލާފުވުން.
(ށ) ސިވިލް ސަރވިސްއަށް އެ ފަރާތެއްގެ ހިދުމަތް ލިބިގަނެ، ހިދުމަތް ފޯރު ކޮށްދިނުމަށް ހުރަސް އެޅޭފަދަ އަމަލެއް ކުރުން ނުވަތަ ކުރަމުންދާކަން ސާބިތުވުން.
(ނ) ވޮލަންޓިއަރެއްގެ ހިދުމަތް ލިބިގަންނަ މުއްދަތުގެ ތެރޭގައި ހިދުމަތް މެދުކަ ނޑާލަން އެ އޮފީހަކުން ބޭނުންވުން.
(ރ) ވޮލަންޓިއަރެއްގެ ގޮތުގައި އެ މީހަކު ކުރާ މަސައްކަތުގައި އިސްލާމްދީން ނޫން ދީނެއް ޕްރޮމޯޓް ކުރިކަން، ނުވަތަ އެ ވޮލަންޓިއަރު ފޮނުވި ޖަމާއަތަކީ އެފަދަ މަސައްކަތެއް ހިންގާ ޖަމާއަތެއްކަން ފާހަގަކުރެވުން.
135 ވަނަ މާއްދާ - ވޮލަންޓިއަރުންގެ ހިދުމަތް ލިބިގަތުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަންތައްތައް
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތްކުރާ އިދާރާތަކުން ވޮލަންޓިއަރުންގެ ހިދުމަތް ލިބިގަތުމުގައި ތިރީގައި މިވާ ކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދޭން ވާނެއެވެ.
(ހ) ދިވެހި ސިވިލް ސަރވިސްގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާ ކުރާ ވޮލަންޓިއަރަކީ އިސްލާމްދީން ނޫން ދީނެއް ޕްރޮމޯޓް ކުރާ މީހެއް ނޫންކަން ކަށަވަރު ކުރުން. އަދި އެފަދަ ވޮލަންޓިއަރަކު ފޮނުވާ ޖަމާއަތަކީވެސް އެފަދަ މަސައްކަތެއް ހިންގާ ޖަމާއަތެއް ނޫންކަން ކަށަވަރު ކުރުން.
(ށ) ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރަންޖެހޭ އެއްވެސް ހަރަދެއް އެއީ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކުރި ހަރަދެއް ނުވަތަ ހޭދައެއްގެ ގޮތުގައި ނުބެލުން.
(ނ) ދިވެހި ސިވިލް ސަރވިސްގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ވޮލަންޓިއަރުންގެ ހިދުމަތް ހޯދަނީ ސިވިލް ސަރވިސްގެ މުވައްޒަފުން އިންޓިމިޑޭޓްކޮށް ވަކި ކަމަކަށް މަޖުބޫރު ކުރުވުމުގެ ގޮތުން ކަމުގައި ނުވުން.
(ރ) ވޮލަންޓިއަރެއްގެ ހިދުމަތް ލިބޭތީވެ، ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ނުވަތަ އެފަދަ އެނޫންވެސް ސަބަބަކަށްޓަކައި އެއްވެސް ސިވިލް ސަރވިސްގެ މަގާމެއްގައި ހުރި މުވައްޒަފެއް ވަޒީފާއިން ވަކި ކުރުމުގެ ނުވަތަ ސިވިލް ސަރވިސްގެ މަގާމެއް އުވާލުމުގެ މަގުސަދެއް އެކުލެވޭ ސިޔާސަތެއް އޮވެގެން ކުރެވޭ ކަމަކަށް ނުވުން.
(ބ) ސިވިލް ސަރވިސްގެ މުވައްޒަފެއްގެ ވަޒީފާ ބަޔާނުގައި ހިމެނި ކުރަމުން އަންނަ މަސައްކަތެއް، އުނި ކުރުމަށްފަހު އެ މަސައްކަތެއް ކުރުމަށް ވޮލަންޓިއަރެއްގެ ގޮތުގައި މުވައްޒަފެއް ނުނެގުން.
ޗެޕްޓަރ 12
މުވައްޒަފުން ވަޒީފާއަށް އަހުލުވެރި ކުރުވުން
136 ވަނަ މާއްދާ - ތައާރަފު
(ހ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ތ) ގައި ސިވިލް ސަރވިސް ކޮމިށަނުގެ މަސައްކަތްތަކުގެ ތެރޭގައި، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރޭގައި އިސްނެގުމާއި، ލީޑަރށިޕް ކުރިއަރުވައި، މުވައްޒަފުންގެ ފެންވަރު މަތި ކުރުމަށް ބޭނުންވާ ތަމްރީނުތައް ހޯދައިދިނުމާއި، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ މަސައްކަތަށް ގާބިލު ބަޔަކަށް ހެދުމަށް ބާރުއެޅުމާއި ހިތްވަރު ދިނުން ހިމެނިފައިވާތީ، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާ ދެވޭ ފަރާތްތަކަށް އަމާޒުކޮށް އެ ފަރާތްތައް ވަޒީފާއަށާއި ވަޒީފާ އަދާ ކުރާ އިދާރާގެ އުސޫލުތަކާއި ގަވާއިދުތަކަށް އަދި ހަމަ އެހެންމެ، ދިވެހި ސިވިލް ސަރވިސް ގަވާއިދަށް އަހުލުވެރި ކުރުމަށްޓަކައި ފިޔަވަހިތަކަކަށް ބަހާލައިގެން، ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމް ހިންގުމުގައި އަމަލު ކުރާނީ މި ގަވާއިދާއި، ކޮމިށަނުން އެކުލަވައިލައި އާންމު ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމްގެ އަތްމަތީ ފޮތާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) މުވައްޒަފުން ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމްގެ މަގުސަދުތަކަކީ؛
- އަލަށް ވަޒީފާ ދެވޭ މުވައްޒަފުން، އެ މުވައްޒަފު ސިވިލް ސަރވިސްގެ ގަވާއިދުތަކާއި އުސޫލުތަކަށް އަދި މައިގަ ނޑު މަސައްކަތްތަކާއި މާހައުލަށް އަހުލުވެރި ކޮށްދިނުން.
- އަލަށް ވަޒީފާ ދެވޭ މުވައްޒަފުން މަސައްކަތަށް ށައުގުވެރި ކުރުވުން.
- ވަޒީފާ އަދާ ކުރާ އިދާރާއަށް މުވައްޒަފު ތައާރަފުކޮށް ދިނުމުގައި މަސައްކަތްތައް އޮމާންކަމާއި ޔަގީންކަމާއެކު ފަށައިގެން ކުރިއަށް ގެންދިއުމަށް މަގުފަހި ކޮށްދިނުން.
- މަސައްކަތަށް ގާބިލު ބަޔަކަށް ހެދުމަށް ބާރުއެޅުމާއި ހިތްވަރު ދިނުން.
137 ވަނަ މާއްދާ - ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމްގައި ބައިވެރި ކުރާނެ ފަރާތްތަކާއި ފުރިހަމަ ކުރަންޖެހޭ މުއްދަތު
(ހ) ދިވެހި ސިވިލް ސަރވިސްގެ ވަޒީފާ ދެވޭ ހުރިހައި މުވައްޒަފުންވެސް، އެ ވަޒީފާގެ ފަންތިއަކަށް ކަނޑައެޅިފައިވާ މިންވަރަށް ވަޒީފާއަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެ، މި ޕްރޮގްރާމްގެ އަތްމަތީ ފޮތުގައިވާ ގޮތުގެ މަތީން ޕްރޮގްރާމް ފުރިހަމަ ކުރަންޖެހޭނެއެވެ.
(ށ) ސިވިލް ސަރވިސްގެ އެއް މަގާމުން އަނެއް މަގާމަށް ބަދަލުވާ މުވައްޒަފުން ފުރިހަމަ ކުރަންޖެހޭނީ ވަޒީފާއަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވައްސެވެ.
(ނ) ސިވިލް ސަރވިސްގެ މުވައްޒަފެއް 1 (އެކެއް) އަހަރަށްވުރެ ދިގު މުއްދަތަށް ހިދުމަތާ ދުރުގައި ހުރުމަށްފަހު އަލުން ވަޒީފާއާ ގުޅިއްޖެ ކަމުގައި ވާނަމަ ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމް ފުރިހަމަ ކުރަން ޖެހޭނެއެވެ.
(ރ) ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ، ފިޔަވަހިތަކަކަށް ބަހާލެވިގެން ކަމަށް ވުމާއެކު، މި ފިޔަވަހިތައް ވަޒީފާއަށް ވަންނަތާ 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭނެއެވެ. ނަމަވެސް މިސްކިތު މުވައްޒަފުންނާއި މަސައްކަތު މީހުން 3 (ތިނެއް) ވަނަ ފިޔަވަހި ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ.
(ބ) ސިވިލް ސަރވިސްގެ ވަގުތީ މުވައްޒަފުން މި ޕްރޮގްރާމްގައި ބައިވެރި ކުރުމުގެ އިހުތިޔާރު އެ އިދާރާއަކަށް ލިބިގެންވެއެވެ.
(ޅ) ސިވިލް ސަރވިސްގެ ވަޒީފާއަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމަކީ، މި ގަވާއިދުގެ 101 ވަނަމާއްދާގެ (ށ) ގައި ބަޔާންކުރާ ފަދައިން ޕްރޮބޭށަންގެ މުއްދަތުގައި ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާ ތަމްރީނެކެވެ. މި ތަމްރީން ޕްރޮގްރާމް ގަސްތުގައި މަގުބޫލު ސަބަބެއްނެތި މުވައްޒަފު ފުރިހަމަ ނުކޮށްފިނަމަ، މުވައްޒަފުގެ އެ އަމަލަކީ ގަވާއިދުގެ 101 ވަނަ މާއްދާގެ (ނ) އާ ހިލާފުވުންކަމަށް ބަލައި، ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ 106 ވަނަމާއްދާގައިވާ ގޮތުގެ މަތީން އިތުރު ނޯޓިހަކާ ނުލައި މުވައްޒަފު ވަޒީފާއިން ވަކި ކުރުމަށް އެ އޮފީހަކުން ކޮމިށަނަށް ހުށަހަޅަން ވާނެއެވެ. އަދި ހުށަހަޅާއިރު ޕްރޮގްރާމް ފުރިހަމަ ނުކުރި ސަބަބާއި އެކަމާގުޅޭ އެންމެހައި ލިޔުންތައް ހުށަހަޅަން ވާނެއެވެ.
(ކ) މުވައްޒަފު ބަލިވުންފަދަ މަގުބޫލު އުޒުރެއް މެދުވެރިވުމުގެ ސަބަބުން މި ޕްރޮގްރާމް ފުރިހަމަ ކުރެވޭގޮތް ނުވެއްޖެ ހިނދެއްގައި، މުވައްޒަފު ވަޒީފާއަށް ނުކުތުމާއެކު، ނުނިމި ހުރި ފިޔަވަހިތައް ނުވަތަ ބައިތައް މުވައްޒަފު ލައްވައި ފުރިހަމަ ކުރުވަން ވާނެއެވެ. ފުރިހަމަ ކުރުމަށް ހޭދަކުރާ މުއްދަތަކީ މުޅި ޕްރޮގްރާމްގެ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ވެގެން ނުވާނެއެވެ.
138 ވަނަ މާއްދާ - ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމް ހިންގުން
(ހ) ވަޒީފާއަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ތަމްރީން ކުރެވިފައިވާ މުރުށިދުން (މެންޓޯއިން) ގެ އެހީގައެވެ. މުރުށިދުން ނެތް ހާލަތެއްގައި މުރުށިދެއް ހަމަޖެހެންދެން، މުވައްޒަފުންނާ ބެހޭ ބައިގެ އިސްވެރިޔާ ކަނޑައަޅާ މުވައްޒަފަކަށް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަގުތީ ގޮތުން ހަވާލު ކުރަން ވާނެއެވެ. މި ޕްރޮގްރާމް އެ އިދާރާއެއްގައި ހިންގުމުގެ މަސްއޫލިއްޔަތާއި ޒިންމާ އުފުލާނީ އެ ފަރާތަކުންނެވެ.
(ށ) ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމް އޮފީހެއްގައި ހިންގޭނީ، އެ އޮފީހުގެ ތަފާތު އެކި ފެންވަރުގެ މުވައްޒަފުންގެ ބައިވެރިވުމާއި އެހީތެރިކަން ލިބިގެން ކަމުގައި ވުމާއެކު، މި ޕްރޮގްރާމް ހިންގުމުގައި އެ މުވައްޒަފެއް އަދާ ކުރަން ކަނޑައެޅިފައިވާ ޒިންމާއާއި ދައުރު ގަވާއިދުން އަދާ ކުރަން ވާނެއެވެ.
(ނ) ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމުގެ ފިޔަވަހިތައް އަތްމަތީ ފޮތުގައިވާ ގޮތުގެ މަތީން ފުރިހަމަކޮށް ނިމުމުން އެފޮތުގައި ބަޔާން ކޮށްފައިވާ ފާހަގަލެވިފައިވާ ޗެކްލިސްޓްތަކާއި އަދި މުވައްޒަފަށް ޕްރޮގްރާމް ފުރިހަމަކުރިކަމަށް އޮފީހުން ދީފައިވާ ލިޔުމުގެ ކޮޕީ ކޮމިށަނުގެ މުވައްޒަފުންގެ ރިކޯޑުތައް ބަލަހައްޓާ ސިސްޓަމުން އަޕްޑޭޓް ކުރަން ވާނެއެވެ. އަދި މުވައްޒަފުގެ ޕަރސަނަލް ފައިލްގައި އެ ލިޔުންތަކުގެ އަސްލު އެ އޮފީހަކުން ރައްކާ ކުރަން ވާނެއެވެ.
139 ވަނަ މާއްދާ - ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދިއުން
(ހ) މުވައްޒަފު އޮފީހުގެ މަސައްކަތަށް ނުކުންނަ ފުރަތަމަ ދުވަހު، އޮފީހުގެ މުވައްޒަފުންނާ ބެހޭބައިގެ އިސްވެރިޔާ ނުވަތަ އެ ބަޔާއި ހަވާލުވެ ހުރި އިސްވެރިޔާ، މުވައްޒަފަށް މަރުހަބާ ކިޔައި، އަދި އޮފީހުގެ މައިގަ ނޑު މަސައްކަތްތަކުގެ ކުރު ތައާރަފެއް ދޭން ވާނެއެވެ. ހަމައެއާއެކު މުވައްޒަފާ ހަވާލުވެ އޭނާ ވަޒީފާއަށް އަހުލުވެރި ކުރުވުމުގައި އިސްރޯލެއް އަދާ ކުރާނެ މުރުށިދެއް ހަމަޖައްސަވައި، ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމް ހިންގުމަށް ހަވާލު ކުރަން ވާނެއެވެ.
(ށ) އޮފީހުގެ މުވައްޒަފުންނާ ބެހޭބައިގެ އިސްވެރިޔާ ނުވަތަ އެ ބަޔާއި ހަވާލުވެ ހުރި އިސްވެރިޔާ ކަނޑަޅާ މުރުށިދު، ނުވަތަ ކަނޑައަޅާ މުވައްޒަފެއް، ވަޒީފާއަށް އަހުލުވެރި ކުރުމުގެ އަތްމަތީ ފޮތުގައިވާ ގޮތުގެ މަތީން ފިޔަވަހިތައް ކުރިއަށް ގެންދަން ވާނެއެވެ. އަދި މުވައްޒަފު ވަޒީފާއަށް ވަންނަތާ 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި މި ފިޔަވަހިތައް މުވައްޒަފު ލައްވައި ފުރިހަމަ ކުރުވަން ވާނެއެވެ.
(ނ) ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމް މުރުށިދުގެ އެހީގައި ކުރިއަށް ގެންދިޔަ ނަމަވެސް އައު މުވައްޒަފު ވަޒީފާގައި ކުރަންޖެހޭ މަސައްކަތް ހަވާލުކޮށް، ޔުނިޓް، ސެކްށަން ނުވަތަ ޑިވިޒަންގެ ކަންތައްތައް ކުރިއަށް ގެންދަންވީ ގޮތް އަންގާނީއެ މުވައްޒަފެއްގެ ސުޕަވައިޒަރެވެ.
140 ވަނަ މާއްދާ - ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދެވުނުގޮތް ވަޒަން ކުރުން
(ހ) ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމް ހިންގާ ނިމުމުން، އައު މުވައްޒަފު އަދިއެ ފަރާތުގެ މުރުށިދު ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމް ވަޒަން ކުރަން ވާނެއެވެ. މިގޮތުން މުވައްޒަފު ޕްރޮގްރާމް ވަޒަން ކުރުމުގެ ގޮތުން ފުރަންޖެހޭ ފޯމު ފުރުމާއި، އެ މުވައްޒަފުގެ މުރުށިދު ފުރަންޖެހޭ ފޯމު ފުރާ ނިމުމުން، އަމަލު ކުރާނީމި ގަވާއިދުގެ 138 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާ ގޮތަށެވެ.
(ށ) ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމުގައި އެ އޮފީހަކަށް ހާއްސަ ބައެއް އިތުރަށް ހިމަނަން ބޭނުންވާނަމަ، މި ޕްރޮގްރާމް އެ އޮފީހަކަށް ބޭނުންތެރި އަދި ފައިދާހުރި ޕްރޮގްރާމަކަށް ހެދުމުގެ ގޮތުން އިތުރު ބައިތަކެއް މި ޕްރޮގްރާމްގައި ހިމަނަން ވާނެއެވެ.
ޗެޕްޓަރ 13
މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން
141 ވަނަ މާއްދާ - ތައާރަފު
މަސައްކަތުގެ ފެންވަރު ބެލުމުގެ ބޭނުމަކީ، މުވައްޒަފާ ހަވާލުކުރެވޭ މަސައްކަތްތައް ކޮށްފައިވާ ފެންވަރާއި މިންވަރު އަދި މަސައްކަތް ފުރިހަމަ ކުރެވުނު ވަގުތުގެ އިތުރުން، މަސައްކަތުގައި މުވައްޒަފުގެ މިޒާޖާއި ސިފަތައް ދެނެގަތުމެވެ. އަދި ފެންވަރު ރަނގަޅު، މަސައްކަތަށް ގާބިލު މުވައްޒަފުންތަކެއް އުފެއްދުމެވެ. އަދި މި ނިޒާމުގެ ސަބަބުން މުޅި ދިވެހި ސިވިލް ސަރވިސްގެ މަސައްކަތުގެ ފެންވަރު ރަނގަޅުވެ، ދެވޭ ހިދުމަތް އަވަސްވެ، ހަރުދަނާވެގެން ދިއުމެވެ. މަސައްކަތުގެ ފެންވަރު ބެލުމުން ރަނގަޅު ނަތީޖާ ހޯދާ މުވައްޒަފުންނަށް އޮންނަ ހިތްހަމަޖެހުމަކީ ކުރިއަށް އޮންނަ އަހަރު އެ މުވައްޒަފު ވަޒީފާގައި ދެމިހުންނާނެކަމުގެ ހިތްހަމަޖެހުމެވެ. ނަމަވެސް، ކުރިމަގުގައި މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި، މުސާރައިގެ ކުރިއެރުން ދިނުމުގައި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށް ރިއާޔަތް ކުރެވި ދާނެއެވެ. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ރާވައި ހިނގާނެ ގޮތުގެ ތަފުސީލު ކޮމިށަނުން އެކުލަވައިލައި ހާމަ ކުރަން ވާނެއެވެ. ނަމަވެސް، މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގެ ދަށުން މި ގަވާއިދު އަދި ކޯޑް އޮފް ކޮންޑަކްޓްއާ ހިލާފުނުވާ ގޮތުގެ މަތީން އެ އިދާރާއެއްގެ ހިދުމަތާގުޅޭ ގޮތުން މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުތައް އެކުލަވައިލެވި ދާނެއެވެ.
142 ވަނަ މާއްދާ - މައިގަނޑު އުސޫލުތައް
(ހ) މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ބޭނުންކޮށްގެން އޮފީހުގެ މަގުސަދުތައް ހާސިލު ވާގޮތަށް މުވައްޒަފުންގެ މަސައްކަތްތައް ކުރިއަށް ގެންދޭތޯ ބެލުމުގެ އިތުރުން، އޮފީހުގެ މަސައްކަތްތަކާ ހަވާލުވެ ތިބޭ މުވައްޒަފުންނަށް އެ މީހުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ބާރުއަޅަން ވާނެއެވެ.
(ށ) މަސައްކަތުގެ ފެންވަރު ރަނގަޅު މުވައްޒަފުންނަށް، މަސައްކަތުގެ އަގުވަޒަން ކުރުމަށްޓަކައި މަގާމުގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުމާއި، އަދި މި ނޫންވެސް މަސައްކަތާއި އެހެނިހެން އިނާޔަތްތައް ގުޅުވި ދާނެއެވެ. ކަނޑައަޅައިފައިވާ މިންގަ ނޑަށް މަސައްކަތް ނުކުރެވޭ މުވައްޒަފުން އިސްލާހު ކުރުމަށް މަގުފަހިކޮށް އެކަން އިންތިޒާމުކުރާ ނިޒާމަކަށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ވާން ވާނެއެވެ.
(ނ) ސިވިލް ސަރވިސްގެ އެންމެހައި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަދުވެގެން އަހަރަކު 1 (އެކެއް) ފަހަރު ބަލަން ވާނެއެވެ.
(ރ) މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމް ހަމަޖެހިފައި އޮންނަންވާނީ އިދާރީގޮތުން ބުރަ ބޮޑުނުވާނޭ ގޮތަކަށް، ހާމަކަން ބޮޑު އަދި އިންސާފުވެރި އުސޫލެއްގެ މައްޗަށެވެ.
(ބ) މަސައްކަތުގެ ފެންވަރު ބެލުމުގައި އަންނަނިވި ކަންކަން ލިޔުމުން ކަނޑައަޅާފައި އޮންނަން ވާނެއެވެ.
- މަސައްކަތުގެ ފެންވަރު ބަލާނޭ މުއްދަތު.
- މުވައްޒަފުގެ ހިދުމަތް ބަލައި، ވަޒަން ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވޭ މުވައްޒަފު (ސުޕަވައިޒަރު).
(ޅ) މުވައްޒަފެއްގެ ހިދުމަތުގެ ފެންވަރުބަލައި ވަޒަން ކުރުމަށް ހަވާލުކުރެވޭ ސުޕަވައިޒަރުގެ މަސްއޫލިއްޔަތުގެ ތެރޭގައި އަންނަނިވި ކަންކަން ކުރުން ހިމެނެއެވެ.
- މަސައްކަތުގެ އަހަރުފެށޭއިރު ޓާގެޓްތައް ކަނޑައެޅުން.
- އަހަރު މެދުތެރެއިން މުވައްޒަފުގެ މަސައްކަތް ބަލައި ބަދަލެއް ގެންނަންޖެހޭނަމަ، އެ ބަދަލެއް ގެނައުން.
- މަސައްކަތުގެ އަހަރު ނިމުމުން މުވައްޒަފުގެ މަސައްކަތަށް މާކްސްދީ މަސައްކަތުގެ
ފެންވަރު ވަޒަން ކުރުން.
(ކ) މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ބެލުމަށްފަހު އޭގެ ނަތީޖާގެ ކޮޕީއެއް މުވައްޒަފަށް ދޭން ވާނެއެވެ. އަދި މުވައްޒަފުގެ ހިދުމަތުގެ ފެންވަރު ކަނޑައަޅައިފައިވާ މިންވަރަށްވުރެ ދަށްނަމަ، ކަނޑައެޅިފައިވާ އުސޫލުގެ މަތީން ފިޔަވަޅު އަޅަން ވާނެއެވެ.
(އ) މަސައްކަތުގެ ފެންވަރުގެ ނަތީޖާ އާ މެދު ހިތްހަމަ ނުޖެހޭނަމަ ސަބަބު ބަޔާންކޮށް، ޕަރމަނަންޓް ސެކްރެޓަރީއަށް ނުވަތަ ޒިންމާދާރު އިސްވެރިޔާއަށް އިލްތިމާސް ކުރުމުގެ ހައްގު ކޮންމެ މުވައްޒަފަކަށް ލިބިގެންވެއެވެ.
(ވ) މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރުގެ ނަތީޖާ އެ މުވައްޒަފެއް ވަޒީފާ އަދާ ކުރާ އޮފީހުގެ ކަމާބެހޭ މުވައްޒަފުން ނޫން އެހެން މީހަކަށް ދައްކައިގެން ނުވާނެއެވެ.
(މ) ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބަލާނީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމާބެހޭ އުސޫލުގެ އަތްމަތީ ފޮތުގައިވާ ގޮތުގެ މަތީންނެވެ. މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގައި ބޭނުންކުރާނީ އަތްމަތީ ފޮތުގައިވާ "ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބަލާ ފޯމު" ތަކެވެ.
(ފ) ނަމަވެސް، މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގެ ދަށުން މި ގަވާއިދު އަދި ކޯޑް އޮފް ކޮންޑަކްޓްއާ ހިލާފުނުވާ ގޮތުގެ މަތީން އެ އިދާރާއެއްގެ ހިދުމަތާގުޅޭ ގޮތުން މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުތައް އެކުލަވައިލެވި ދާނެއެވެ.
ޗެޕްޓަރ 14
ސިވިލް ސަރވިސްގެ މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް
143 ވަނަ މާއްދާ - ތައާރަފު
ސިވިލް ސަރވިސްގެ މުވައްޒަފުން، ރަސްމީ ގަޑީގައްޔާއި ނުރަސްމީ ގަޑީގައި، އޮފީހުގައި އަދި އޮފީހުގެ މަސައްކަތުގައި ތިބެންވާނީ، ހިދުމަތް ލިބިގަންނަން އަންނަ މީހުންގެ ކުރިމަތީގައި މުވައްޒަފާއި އޮފީހުގެ ގަދަރާއި ހައިބަތު ހިފެހެއްޓި، ސާފުތާހިރު، އެކަށީގެންވާ ނަލަ ހެދުމުގައި، އިސްތަށިގަ ނޑާއި ބޮލާއި ތުނބުޅި ބެލެހެއްޓި، ދިވެހި މުޖުތަމައު ގަބޫލުކުރާ އަހުލާގީ ހަމަތައް ހިފެހެއްޓޭ ގޮތުގައެވެ. އަދި ލައިގެން ހުންނަ ހެދުމަކީ، އެ ހެދުން އަޅާ މުވައްޒަފު ދޭންޖެހޭ ހިދުމަތުގެ ބާވަތުން، އެ ހިދުމަތެއް ދިނުމަށް ދަތިވާ ހެދުމަކަށް ވެސް ވެގެން ނުވާނެއެވެ.
144 ވަނަ މާއްދާ - އޮފީހުގެ ރަސްމީގަޑީގައި ހުއްދަނޫން ހެދުމާއި ތަކެތި
އޮފީހުގެ ރަސްމީ ގަޑީގައި މުވައްޒަފުން ބޭނުން ކުރުން ހުއްދަނޫން ހެދުމާއި ތަކެތި ތިރީގައި މިވަނީއެވެ.
(ހ) އަހުލާގީ ގޮތުން އެކަށީގެން ނުވާ ހުތުރު ބަސް، އިބާރާތް، ކުރެހުން، ކާޓޫނު، ފޮޓޯ ޖަހާފައި ހުންނަ ހެދުން.
(ށ) ހަންގަ ނޑު ފާޅުވާފަދަ ތުނި ހެދުން.
(ނ) އެއްވެސް ބާވަތެއްގެ އަދި އެއްވެސް ކުލައެއްގެ ޖީންސް.
(ރ) ފާޅުވާ ގޮތަށް ގިނަ ޖީބުލާފައި ހުންނަ ކުރު އަދި ދިގު ހަރުވާޅު (މުޅި ހަރުވާޅުގެ އެތައް މިތަނުގައި ޖީބު، އަދި އުފުލިފައި ހުންނަ ޖީބު، ހަރުވާޅު (ޓައިޓު) )
(ބ) ފެންފައިވާނާއި ޓެނިސް، ޖޮގިންގ ށޫޒް އަދި ހާފްށޫޒް.
145 ވަނަ މާއްދާ - އާންމު އުސޫލު
(ހ) ސިވިލް ސަރވިސްގެ ކޮންމެ ހިދުމަތަކީވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުއާމަލާތް ކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެތީ، ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައެވެ.
(ށ) މުހިންމު ރަސްމިއްޔާތުތަކުގައި އެ ތަނެއްގެ ފަރާތުން ބައިވެރިވާ މުވައްޒަފުން ތިބެންވާނީ، އެކިއެކި މުނާސަބަތުތަކުގައި ބޭނުން ކުރުމަށް އެކަށީގެންވާ މި ގަވާއިދަށް ފެތޭ ހެދުމެއްގައި ނުވަތަ އެ މުނާސަބަތަކަށް ކަނޑައަޅައިފައިވާ ހެދުމެއްގައެވެ.
(ނ) ވަކި މުނާސަބަތަކާ ގުޅޭ ގޮތުން، ނުވަތަ ގައުމީ ފެންވަރެއްގައި ނުވަތަ ދާއިރާގެ ފެންވަރުގައި ނުވަތަ ޖަމާއަތުގެ ފެންވަރުގައި ކުރިއަށް ގެންދެވޭ ށިއާރެއްގައި ބައިވެރި ވުމަށްޓަކައި، ނުވަތަ ގައުމީ މަސްލަހަތަކަށް ހިތްވަރުދީ ފޯރި އިތުރު ކުރުމަށްޓަކައި، އޮފީސްހެދުން ކަމުގައި މި ގަވާއިދުގައި ބަޔާން ކޮށްފައިވާ އަސްލުތައް ނުގެއްލޭގޮތަށް ހެދުން ނުވަތަ ހެދުމާއެކު ބެޖާއި ކުލައާއި މެޑެއްޔާއި އެކިއެކި ނިށާންތަކާއި ފާހަގަ ބޭނުން ކުރެވި ދާނެއެވެ.
(ރ) އެ މަސައްކަތެއްގެ ބާވަތުން ވަކި ހެދުމެއްގައި ކުރަންޖެހޭ މަސައްކަތް ކުރާއިރު މުވައްޒަފުން ތިބެންވާނީ އެ ހެދުމެއްގައެވެ. އަދި ވަކި ހާއްސަ މަސައްކަތެއް، ވަކި ވަގުތެއްގައި، ވަކި ހެދުމެއްގައި ކުރުމަށް ހަމަޖެހިގެން ކުރަންޖެހޭ ހާލަތުގައި، އެ ކަނޑައެޅޭ ވަގުތެއްގައި، އާންމު އުސޫލަށް ނުވާގޮތުން، އެ ކަނޑައަޅާ ހެދުމެއް ބޭނުން ކުރެވި ދާނެއެވެ.
(ބ) ޔުނިފޯމެއް އެޅުމަށް ހަމަޖެހިފައިވާ މުވައްޒަފުން އެ ބައެއްގެ ރަސްމީ މަސައްކަތުގައި އުޅޭއިރު، ތިބެންވާނީ އެ ބައެއްގެ ޔުނިފޯމުގައެވެ. ޔުނިފޯމު ހުންނަންވާނީ މި ގަވާއިދުގައި ބަޔާންކުރެވިފައިވާ ހެދުން އެޅުމުގެ މިންގަ ނޑުތަކާއި އުސޫލުތަކަށް ފެތިފައެވެ.
146 ވަނަ މާއްދާ - މުވައްޒަފުންގެ ހެދުން
މުވައްޒަފުންގެ ހެދުން ކަނޑައަޅާނީ އެ އޮފީހެއްގެ އެޗް.އާރު.އެމް.ޑީ ކޮމިޓީގެ ލަފާގެ މަތީން ޒިންމާދާރު އިސްވެރިޔާއެވެ. މި ގަވާއިދާ ހިލާފުނުވާ ގޮތަށް މުވައްޒަފުންގެ ހެދުން ގެންގުޅުމުގެ މިންގަ ނޑު ކޮންމެ އޮފީހެއްގައި ލިޔެ އާންމު ކޮށްފައި ހުންނަންޖެހޭނެއެވެ.
ޗެޕްޓަރ 15
މުސާރަ
147 ވަނަ މާއްދާ - ތައާރަފު
ސިވިލް ސަރވިސްގެ އެންމެހައި ފަންތިތަކުގައި ހިމެނޭ ވަޒީފާ ތަކުގެ މުސާރައިގެ އޮނިގަނޑު ކަނޑައެޅުމާއި އެ އޮނިގަނޑަށް ބަދަލު ގެނައުމަކީ ކޮމިށަނަށް އިހުތިޔާރު ލިބިގެން ވާ ކަމެކެވެ. އެ އިހުތިޔާރުގެ ދަށުން، ސިވިލް ސަރވިސްގެ އެންމެހައި ފަންތިތަކުގައި ހިމެނޭ ވަޒީފާ ތަކުގެ މުސާރަތައް ކަނޑައަޅައިފައި އޮންނަ އޮނިގަނޑެއް އޮންނަން ވާނެއެވެ.
148 ވަނަ މާއްދާ - މުސާރަ ދެވޭނެ މުއްދަތު
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މުސާރަ ދޭނީ މަހަކު އެއްފަހަރުއެވެ.
149 ވަނަ މާއްދާ - މުސާރައިން ގަޑިއަކަށް ޖެހޭ އަދަދު
ސިވިލް ސަރވިސްގެ މުވައްޒަފަކަށް ދުވަހަކަށްޖެހޭ މުސާރައިގެ އަދަދު ބަލާނީ މުވައްޒަފުގެ މުސާރަ 30ން ގެއްލައިގެންނެވެ. މުވައްޒަފުގެ މުސާރައިން ގަޑިއަކަށް ޖެހޭ އަދަދު ބަލާނީ އެއިރެއްގައި ސަރުކާރުން ކަނޑައަޅައިފައިވާ ރަސްމީ މަސައްކަތު ގަޑިން ގެއްލައިގެންނެވެ. އަދި މިނެޓަކަށް ޖެހޭ އަދަދު ބަލާނީ މުވައްޒަފުގެ މުސާރައިން ގަޑިއަކަށް ޖެހޭ އަދަދު 60 ން ގެއްލައިގެންނެވެ.
150 ވަނަ މާއްްދާ - މުސާރަ ކަނޑައެޅުން
ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 6 ވަނަ މާއްދާ އަދި އެގާނޫނުގެ 43 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ ކަނޑައަޅާނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފާގެ މަތީން ކޮމިށަނުންނެވެ.
151 ވަނަ މާއްދާ - މުސާރައަށް ބަދަލު ގެނައުމުގެ ދިރާސާ
ކޮންމެ އަހަރެއްގެ އަހަރީ ބަޖެޓު އެކުލަވައިލުމުގެ ކުރިން ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައިގެ ދަރަޖަތަކަށް އަސަރުކުރާނޭ ކަންކަމާބެހޭ ދިރާސާއެއް ކޮމިށަނުން ކުރަން ވާނެއެވެ. މި ރިޕޯޓުގައިވާ ކަންކަމަށް ބެލުމަށްފަހު ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލެއް ގެންނަން ޖެހޭކަމަށް ކޮމިށަނަށް ފެނިއްޖެ ނަމަ، މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލެއް ކޮމިށަނުން ފާސްކޮށް އެކަން ގާނޫނުގައި ވާ ގޮތުގެ މަތީން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ގެ ލަފަޔަށް އެދި ހުށަހަޅަން ވާނެއެވެ.
152 ވަނަ މާއްދާ - މުވައްޒަފުގެ މުސާރަ ކަނޑައެޅުން
(ހ) ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކަށްވެސް ވަޒީފާ ދޭއިރު އެ މުވައްޒަފެއްގެ މުސާރަ ކޮމިށަނުން އޮންނަންވާނީ ކަނޑައަޅާފައެވެ. މިގޮތުން ކަނޑައެޅޭ މުސާރަ ވާންވާނީ އެ މުވައްޒަފެއް އައްޔަން ކުރެވޭ ވަޒީފާ ހިމެނޭ ވަޒީފާގެ ފަންތިއަށް ކޮމިށަނުން ކަނޑައަޅައިފައިވާ އޮނިގަނޑުގައިވާ މުސާރައަކަށެވެ.
(ށ) ކޮންމެ މުވައްޒަފަކަށް، ވަޒީފާ ދިންކަން އަންގާ ޗިޓުގައި، އެ މުވައްޒަފެއްގެ މުސާރަ ބަޔާން ކުރަން ވާނެއެވެ. އެހެން މަގާމަކަށް ބަދަލުކުރެވޭ މުވައްޒަފެއް ނަމަ ވަޒީފާ ބަދަލު ކުރިކަން އަންގާ ޗިޓުގައި އެ މުވައްޒަފެއްގެ މުސާރަ ބަޔާން ކުރަން ވާނެއެވެ.
(ނ) އެއްވެސް މުވައްޒަފެއްގެ މުސާރައަށް ބަދަލު އަތުވެއްޖެނަމަ، މުސާރައަށް ބަދަލު ގެނެވޭ ކޮންމެ މުވައްޒަފަކަށްމެ މުސާރަ ބަދަލުވި ކަމުގެ ޗިޓެއް ފޮނުވަން ވާނެއެވެ.
153 ވަނަ މާއްދާ - މުސާރަ ދޭ ތާރީހު
(ހ) މުސާރަދޭނީ ކޮމިށަނުން ވަޒީފާ ދިން ޗިޓުގައިވާ ނުވަތަ ވަޒީފާ ބަދަލުކުރި ޗިޓުގައިވާ ތާރީހުން ފެށިގެންނެވެ. މުވައްޒަފެއްގެ މުސާރައަށް ބަދަލު އަތުވެއްޖެނަމަ، ބަދަލު ގެނެވުނު މުސާރަ އެ މުވައްޒަފަކަށް ދޭންވާނީ މުސާރަ ބަދަލުވިކަމުގެ ޗިޓުގައި ވާ، މުސާރަ ބަދަލުވި ތާރީހުން ފެށިގެންނެވެ.
(ށ) އެއްވެސް މުވައްޒަފެއްގެ ވަޒީފާ އެހެން ފަންތިއަކަށް ބަދަލު ކުރެވިގެން ނުވަތަ އެ ނޫން ގޮތަކުން ވެސް މުސާރައަށް ބަދަލެއް ގެނެވިއްޖެ ނަމަ، އެ ބަދަލު ގެނެވުނު ތާރީހަކާ ހަމައަށް މުވައްޒަފަށް ދެވޭނީ ބަދަލު ގެނެވުނު ދުވަހާ ހަމަޔަށް ލިބެމުން ދިޔަ މުސާރައެވެ. އަދި ބަދަލު ގެނެވުނު ތާރީހުން ފެށިގެން ދެވޭނީ ގެނެވުނު ބަދަލާއެކު ހަމަޖެހުނު މުސާރައެވެ.
154 ވަނަ މާއްދާ - ފަންތި ދަށްކުރާ މުވައްޒަފުންގެ މުސާރަ
އިސްލާހީ ފިޔަވަޅެއްގެ ގޮތުގައި އެއްވެސް މުވައްޒަފެއް، ދާއިމީކޮށް ނުވަތަ ވަގުތީ ގޮތުން، އޭނާ އަދާ ކުރަމުން ގެންދާ ވަޒީފާ ހިމެނޭ ފަންތިއަށްވުރެ ދަށް ފަންތިއެއްގައި ހިމެނޭ ވަޒީފާއަކަށް މަގާމު ދަށް ކުރެވިއްޖެނަމަ، އެފަދަ މުވައްޒަފަކަށް ދޭން ވާނީ ދަށް ކުރެވޭ ވަޒީފާގެ ފަންތިއަށް ކަނޑައެޅިފައިވާ މުސާރައެވެ.
155 ވަނަ މާއްދާ - ވަޒީފާއަށް ރުޖޫއަކުރެވޭ މުވައްޒަފުންގެ މުސާރަ
މައްސަލައެއްގައި ވަޒީފާއިން ވަކި ކުރެވިފައިވާ މުވައްޒަފެއް، ނުވަތަ އިސްލާހީ ފިޔަވަޅެއްގެ ގޮތުން ވަގުތީ ގޮތުން ވަޒީފާއަށް ނުކުތުން މަނާ ކުރެވިފައި ހުރި މުވައްޒަފެއް، ނުވަތަ މަގާމަށް ބަދަލު ގެނެވިފައިވާ މުވައްޒަފެއް، ވަޒީފާއަށް އަލުން ނެރޭނަމަ، ނުވަތަ ރުޖޫއަ ކުރާނަމަ އޭނާގެ މުސާރަކަމަށް ހަމަޖައްސަން ވާނީ، އެ ވަޒީފާގައި އޭނާ ދެމިހުރި ނަމަ ލިބޭ މުސާރައެވެ.
156 ވަނަ މާއްދާ - މުސާރައިގެ ކުރިއެރުން ދިނުން
މުސާރައިގެ ކުރިއެރުން ދެވޭނީ، އެ މުވައްޒަފެއް ހިމެނޭ އޮނިގަނޑުގައި ވާ ގޮތުގެ މަތީންނެވެ. ނުވަތަ މުސާރައިގެ ކުރިއެރުން ދިނުމަށް ކޮމިށަނުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީންނެވެ.
157 ވަނަ މާއްދާ - މުސާރަ ދޭ ތާރީހު
(ހ) ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެ މީހަކު ވަޒީފާ އަދާ ކުރާ އޮފީހުގެ މަސްއޫލިއްޔަތެކެވެ. މުސާރަ ދޭނީ ކޮންމެ މީލާދީ މަހެއްގެ އެންމެ ފަހު ދެ ދުވަހުން ކުރެ ދުވަހަކުއެވެ. މުސާރަ ދޭން ޖެހޭ ދުވަސް ބަންދު ދުވަހަކާ ދިމާ ވާނަމަ، މުސާރަ ދޭނީ އެމަހެއްގެ ބަންދުނޫން އެންމެ ފަހު ދެ ދުވަހުންކުރެ ދުވަހަކުއެވެ.
(ށ) އެއް އޮފީހުން އަނެއް އޮފީހަށް ބަދަލު ކޮށްފައިވާ މުވައްޒަފަކަށް ބަދަލުވި ތާރީހާ ހަމައަށް މުސާރަ ދޭނީ އެ މުވައްޒަފެއް ކުރިން އުޅުނު އޮފީހުންނެވެ. ބަދަލުވި ތާރީހުން ފެށިގެން މުސާރަދޭނީ އެ މުވައްޒަފެއް ބަދަލުވި އޮފީހަކުންނެވެ. މަހުގެ އެންމެފަހު ދުވަހު ބަދަލުކުރެވޭ މުވައްޒަފަކަށް އެ ދުވަހުގެ މުސާރަދޭނީ ކުރިން އެ މުވައްޒަފެއް ހުރި އޮފީހުންނެވެ.
(ނ) ވަޒީފާއިން ވަކިވާ މީހުންނަށް މުސާރަދޭނީ ކޮމިށަނުން ވަޒީފާއިން ވަކިކުރި ޗިޓުގައިވާ، ވަޒީފާއިން ވަކިކުރި ތާރީހާ ހަމައަށެވެ. އެއްވެސް ސަބަބަކާހުރެ ޗިޓުގައި ވާ ވަކިކުރި ތާރީހުގައި ޗިޓު ރައްދު ނުކުރެވުމުގެ ސަބަބުން މުވައްޒަފު އޮފީހަށް ނުކުމެ ވަޒީފާ އަދާ ކޮށްފައި ވާނަމަ، އެންމެ ފަހުން ނުކުމެ ސޮއި ކުރި ތާރީހާ ހަމައަށް އެ މީހަކަށް މުސާރަ ދޭން ވާނެއެވެ.
158 ވަނަ މާއްދާ - ހައްޔަރު ކުރެވިފައިވާ މުވައްޒަފުންގެ މުސާރަ
މުވައްޒަފެއް ހައްޔަރު ކޮށްފިނަމަ، ހައްޔަރު ކުރުމާއި ވަޒީފާއިން ވަކި ކުރުމާ ދެމެދުގައިވާ ދުވަސްތަކުގެ މުސާރައާއި، ވަޒީފާއިން ވަކި ނުކުރާނަމަ، ހައްޔަރު ކުރުމާއި ދޫކޮށްލުމާ ދެމެދުގައިވާ ދުވަސްތަކުގެ މުސާރައާމެދު އަމަލު ކުރާނީ ތިރީގައި މިވާގޮތުގެ މަތީންނެވެ.
(ހ) މުވައްޒަފެއްގެ މައްޗަށް ކުރެވޭ ތުހުމަތަކާ ގުޅިގެން ހައްޔަރު ކޮށްފިނަމަ ނުވަތަ ވަޒީފާއަށް ހާޒިރު ނުވެވޭ ގޮތަށް ބަންދުކޮށް ތަހުގީގުކޮށް ނިންމުމަށްފަހު އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހަށް މައްސަލަ ހުށަހެޅި، އެ މުވައްޒަފެއްގެ މައްޗަށް ށަރީއަތުން ކުށް ސާބިތުވެފައި ވާނަމަ ބަންދުގައި ހުރި ދުވަސްތަކުގެ މުސާރަ ނުދިނުން.
(ށ) ށަރީއަތަށް ހުށަހެޅުމުން އެ މުވައްޒަފެއްގެ މައްޗަށް ކުށް ސާބިތުނުވެ މައްސަލަ ނިމިއްޖެނަމަ، ނުވަތަ ކަމާބެހޭ ފަރާތުން އެ މައްސަލައެއް ށަރީއަތަށް ހުށަނާޅައި މައްސަލަ ނިންމައިފިނަމަ، އެ މީހަކު ބަންދުގައި ހުރި ދުވަސްތަކުގެ މުސާރަ ދޭން ވާނެއެވެ.
(ނ) ސިވިލް ސަރވިސްގެ މުވައްޒަފެއްގެ މައްޗަށް ށަރީއަތުން ކުށް ސާބިތުވެފައިވާ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފު ކޮށް، ކުށް ސާބިތު ނުވާކަމަށް މައްސަލަ ނިންމައިފިނަމަ، އެ މީހަކު ބަންދުގައި ހުރި ދުވަސްތަކަށް މުސާރަ ދިނުން. ހަމައެހެންމެ، ކުށް ސާބިތުވެފައިވާ މައްސަލައެއް ސުޕްރީމް ކޯޓުން އިސްތިއުނާފު ކޮށް، އެ ކޯޓުން ކުށް ސާބިތު ނުވާ ކަމަށް ނިންމައިފި ނަމަ، އެ މީހަކު ބަންދުގައި ހުރި ދުވަސްތަކަށް މުސާރަ ދިނުން.
159 ވަނަ މާއްދާ - މުވައްޒަފާ މުސާރަ ހަވާލު ކުރުން
މުވައްޒަފަކަށް ލިބޭ މުސާރަ ދޭން ވާނީ އެ މުވައްޒަފެއްގެ އަތަށް ނުވަތަ އޭނާ ލިޔުމަކުން ކަނޑައަޅާ ފަރާތަކަށެވެ. މި ގޮތުން އެ މުވައްޒަފެއްގެ ނަމުގައި އޮންނަ ބޭންކު އެކައުންޓަކަށް މުސާރަ ޖަމާ ކުރުމަކީ މުވައްޒަފުގެ އަތަށް މުސާރަ ހަވާލު ކުރުން ކަމުގައި ބެލެވޭނެއެވެ. މުވައްޒަފުންނަށް މުސާރަ ދޭއިރު، އެ މުސާރައާ އެކު ތިރީގައި މިވާ މައުލޫމާތު ހިމެނޭ ލިޔުމެއް ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް އެ މުވައްޒަފެއް ވަޒީފާ އަދާ ކުރާ އޮފީހަކުން،އެ މުވައްޒަފަކަށް ދޭން ވާނެއެވެ.
(ހ) މުސާރަ ދެވޭ މުއްދަތުގައި އެ މުވައްޒަފަކަށް ލިބޭ އުޖޫރައިގެ ޖުމުލަ އަދަދު.
(ށ) އެއްވެސް އަދަދެއް އުޖޫރައިގެ ޖުމުލައިން ކަ ނޑާފައި ވާނަމަ، އެގޮތުން ކެނޑި އަދަދާއި އެ އަދަދު ކަނޑަން ޖެހުނު ސަބަބު.
(ނ) މުސާރަ ދެވޭ މުއްދަތުގައި، މުވައްޒަފަށް މުސާރައިގެ ގޮތުގައި ދެވޭ އަސްލު އަދަދު.
(ރ) އިތުރު ގަޑީގެ ފައިސާ އާއި އެކިއެކި އެލަވަންސްތަކުގެ ގޮތުގައި ދެވޭ އަދަދު.
(ބ) ބޭންކު އެކައުންޓަކަށް މުސާރަ ޖަމާކުރާ ނަމަ، ޖަމާކުރި ތާރީހާއި، ޖަމާކުރި ބޭންކުގެ ނަމާއި،އެ ބޭންކުގެ ގޮފީގެ ނަމާއި، އެކައުންޓުގެ ވެރިފަރާތުގެ ނަމާއި އެކައުންޓު ނަންބަރު.
160 ވަނަ މާއްދާ - މުސާރައިން އުނި ކުރުން
މުވައްޒަފު ވަޒީފާއަށް ނުނިކުތުމުންނާއި، ވަޒީފާ އަދާ ކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، އޭނާގެ މުސާރަ އިން ނުވަތަ ސަރވިސް އެލަވަންސުން ކަ ނޑާނީ ތިރީގައި މިވާ ގޮތަށެވެ.
(ހ) މި ގަވާއިދުގައި ވާ ގޮތުގެ މަތީން ކުރިއަށް ޗުއްޓީއެއް ހަމަޖެއްސުމަކާ ނުލައި މުވައްޒަފު ވަޒީފާއަށް ހާޒިރު ނުވާ ދުވަހަކަށް މުސާރައާއި ސަރވިސް އެލެވަންސުން ކަ ނޑާނީ މުވައްޒަފުގެ މުސާރައާއި ސަރވިސް އެލެވަންސުން ދުވަހަކަށް ޖެހޭ އަދަދެވެ. އަދި މުވައްޒަފު ސަލާމުގެ ޗުއްޓީގައި ހުންނަ ދުވަހަކަށް ސަރވިސް އެލަވަންސުން ކަ ނޑާނީ މުވައްޒަފުގެ ސަރވިސް އެލަވަންސުން ދުވަހަކަށް ޖެހޭ އަދަދެވެ.
(ށ) މުވައްޒަފެއް ވަޒީފާ އަދާ ކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، ގަޑީލާރީގެ ގޮތުގައި އޭނާގެ މުސާރައިން އުނިކުރެވޭނެއެވެ.
(ނ) މުވައްޒަފަށް ދެވޭ ހުސްވަގުތުކޮޅުގެ އިތުރުން އޮފީހުން ބޭރުގައި ހޭދަކުރާ ވަގުތުން،އެ ވަގުތަށް ވާ މިންވަރު، ގަޑީލާރީގެ ގޮތުގައި އޭނާގެ މުސާރައިން ކެނޑޭނެއެވެ.
(ރ) ގަޑީލާރި ކެނޑޭނީ މުވައްޒަފުގެ މުސާރައިން ދުވަހަކަށްޖެހޭ އަދަދު (ރަސްމީ މަސައްކަތު ގަޑީގެ އަދަދު 60 އާ ގުނަ ކުރުމުން އަންނަ އަދަދުން ގެއްލީމާ އަންނަ އަދަދު) އެއީ މިނެޓަކަށް ޖެހޭ އަދަދު ކަމުގައި ބަލައި އެ އަދަދު މުވައްޒަފު ވަޒީފާއަށް ނުނިކުމެ ހުރި ޖުމުލަ ވަގުތާ ގުނަކޮށްގެންނެވެ.
161 ވަނަ މާއްދާ - މާއްދީ ގެއްލުމަށް މުސާރައިން ބަދަލު ނެގުން
އޮފީހުގެ މުދަލަކަށް ނުވަތަ މަސައްކަތުގެ ބާވަތުން މުވައްޒަފަކާ ހަވާލު ކުރެވިފައިވާ މުދަލަކަށް މުވައްޒަފު ގަސްތުގައި ކުރާ ނުވަތަ އިހުމާލުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން، އޮފީހަށް ނުވަތަ އޮފީހުގެ މުދަލަށް ލިބުނު ގެއްލުމަށް ބަދަލު ނެގުމުގެ ގޮތުން، އެ ގެއްލުން އަގުކޮށް، އެ ގެއްލުމަށް ޖެހޭ އަގު މުވައްޒަފުގެ އަތުން ފައިސާ ނެގުން ފަދަ ކަންކަމާގުޅޭ ގޮތުން އަމަލު ކުރާނީ މި ގަވާއިދުގެ 28 ވަނަ ޗެޕްޓަރުގައިވާ ގޮތުގެ މަތީންނެވެ.
ޗެޕްޓަރ 16
އިތުރުގަޑިއާއި އެލަވަންސްތަކާއި އެހެނިހެން އިނާޔަތްތައް
162 ވަނަ މާއްދާ - ތައާރަފު
(ހ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 6 ވަނަ މާއްދާއާއި 43 ވަނަ މާއްދާއާއި ވަޒީފާއާބެހޭ ގާނޫނުގެ 37 ވަނަ މާއްދާ ގައިވާ ގޮތުގެ މަތީން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ އެލަވަންސްތަކާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ، ސިވިލް ސަރވިސް ކޮމިށަނުންނެވެ. އަދި ކޮމިށަނުން ކަނޑައަޅާ އިނާޔަތްތައް، އެ އިނާޔަތްތައް ދެވޭ މުވައްޒަފުން ތިބި އިދާރާތަކަށް އަންގަން ވާނެއެވެ. އަދި މިގޮތުން ކަނޑައެޅޭ އިނާޔަތްތަކުގެ މައުލޫމާތު އާންމުކޮށް ށާއިއު ކުރަން ވާނެއެވެ.
(ށ) ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާފައިވާ އެލަވަންސްތަކާއި އެހެނިހެން އިނާޔަތްތައް ދިނުމަކީ އެ މުވައްޒަފު ވަޒީފާ އަދާ ކުރާ އޮފީހުގެ މަސްއޫލިއްޔަތެކެވެ.
(ނ) ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އާންމުކޮށް ހަމަޖައްސާފައި ހުންނަ އެލަވަންސްތަކާއި އިނާޔަތްތައް ދައުލަތުގެ އިގްތިސާދަށް އަންނަ ބަދަލުތަކާ ގުޅިގެން މުރާޖައާ ކުރަން ޖެހިއްޖެ ހާލަތެއްގައި، ކޮމިށަނުން މުރާޖައާކޮށް އެ އެލަވަންސްތަކާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭތޯ ބެލުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
163 ވަނަ މާއްދާ - އިތުރުގަޑީގެ ފައިސާ
(ހ) ސިވިލް ސަރވިސްގެ މުވައްޒަފުން ލައްވައި އިތުރު ގަޑީގައި މަސައްކަތް ކުރަން ވާނީ އަދި އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދޭން ވާނީ ތިރީގައި މިވާ ގޮތުގެ މަތީންނެވެ:
- އިތުރުގަޑީގައި ކުރާ މަސައްކަތަކީ، ރަސްމީގަޑީގައި އެކަނި ކޮށްގެން ނިންމެން ނެތް ނުވަތަ އިދާރާގެ ފަރާތުން އަންގައިގެން ކުރަންޖެހޭ ހާއްސަ މަސައްކަތަކަށް ވުން.
- އެ މަސައްކަތަކީ، ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ އޮފީހުގެ ޒިންމާދާރު އިސްވެރިޔާ ކަނޑައަޅާ އުސޫލެއްގެ މަތީން ހުއްދަ ލިބިގެން، އިތުރުގަޑީގައި ކުރާ މަސައްކަތެއް ކަމަށް ވުން.
(ށ) ސިވިލް ސަރވިސްގެ މުވައްޒަފެއް ލައްވައި، ދުވާލަކު ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވައިފި ނަމަ، އިތުރަށް މަސައްކަތް ކުރުވި ވަގުތަށް އިތުރުގަޑީގެ ފައިސާ ދޭން ވާނެއެވެ.
(ނ) ސްޕެށަލް ޑިއުޓީ އަދާ ކުރުމާ ގުޅިގެން އެކަމަށްޓަކައި އެލަވަންސްދެވޭ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދެވޭނީ، ސިވިލް ސަރވިސް ކޮމިށަނުން އާންމުކޮށްފައިވާ "ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސްތައް" މިފޮތުގައިވާ ގޮތުގެ މަތިންނެވެ.
(ރ) މި މާއްދާގެ (ނ) ގައި ބުނެފައި ވާ ސްޕެށަލް ޑިއުޓީ އަދާ ކުރާ މުވައްޒަފުން ފިޔަވައި، ސިވިލް ސަރވިސްގެ މުވައްޒަފެއް ލައްވައި، ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހު ހަފުތާއަކު ރަސްމީގަޑީގައި މަސައްކަތް ކުރުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވައިފިނަމަ، އިތުރަށް މަސައްކަތް ކުރުވި ގަޑިތަކަށް އިތުރުގަޑީގެ ފައިސާ ދޭން ވާނެއެވެ. އަދި ރަމަޒާން މަހު، ހަފުތާއަކު ރަސްމީގަޑީގައި މަސައްކަތް ކުރުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވައިފިނަމަ، އެ ގަޑިތަކަށް އިތުރުގަޑީގެ ފައިސާ ދޭން ވާނެއެވެ.
(ބ) ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހު އިތުރުގަޑީގެ ފައިސާދޭނީ، މަސްދުވަހުގެ މުސާރަ 30 ން ގެއްލީމާ ލިބޭ އަދަދު ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިން ގެއްލީމާ އަންނަ އަދަދު، އެއީ ގަޑިއަކަށް ޖެހޭ ވަރު ކަމަށް ބަލައިގެން، މި މާއްދާގެ (ށ) ގައި ވާ ގޮތުގެ މަތީންނެވެ.
(ޅ) ރަމަޒާންމަހު އިތުރުގަޑީގެ ފައިސާ ދޭނީ، މަސްދުވަހުގެ މުސާރަ 30 ން ގެއްލީމާ ލިބޭ އަދަދު ރަމަޒާންމަހު މަސައްކަތް ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަސައްކަތު ގަޑިން ގެއްލީމާ އަންނަ އަދަދަކީ، އެއީ ގަޑިއަކަށް ޖެހޭވަރު ކަމުގައި ބަލައިގެން، މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ.
(ކ) ވަޒީފާއާބެހޭ ގާނޫނުގެ 34 ވަނަ މާއްދާއިން އިސްތިސްނާ ކޮށްފައިވާ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފެއް ލައްވައި އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، އޭނާގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން 1/41 ބަޔަށްވާ ފައިސާ، އަދި އެފަދައިން މަސައްކަތް ކުރުވީ ހުކުރު ދުވަހެއް ނުވަތަ ރަސްމީ ބަންދު ދުވަހެއްގައި ނަމަ، އެ މީހެއްގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން 1/21 ބަޔަށްވާ ފައިސާ އިތުރުގަޑީގެ ފައިސާގެ ގޮތުގައި އެ މުވައްޒަފަކަށް ދޭން ވާނެއެވެ.
(އ) އާންމުކޮށް މަސައްކަތް ކުރަންޖެހޭ ދުވަހެއްގެ ގޮތުގައި ރަސްމީ ބަންދު ދުވަހަކު މުވައްޒަފެއް ލައްވައި މަސައްކަތް ކުރުވާނަމަ، އެ މުވައްޒަފަކަށް މަދުވެގެން ކަނޑައެޅިފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައި ކުޅަ އެއްބަޔާ އެއްވަރުގެ އަދަދެއްގެ ފައިސާ ދޭން ވާނެއެވެ. އަދި އެ ގަޑިތަކަކީ އިތުރު ގަޑިކަމަށް ބަލައި އިތުރުގަޑީގައި ލިބޭ ފައިސާ އެ މުވައްޒަފެއްގެ މުސާރައިގައި ހިމަނައިގެން އެ މުވައްޒަފަކަށް ދޭން ވާނެއެވެ.
(ވ) އިތުރުގަޑީގެ ފައިސާދޭނީ، މަސްދުވަހަކަށްވާ ފައިސާ، އެއްފަހަރާއެވެ. މިގޮތުން އެ ފައިސާ ދޭނީ، ކުރީ މަހުގެ 16 އިން ހިނގާމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުގަޑިއަށްވާ ފައިސާ، ހިނގާމަހުގެ މުސާރަދޭ ދުވަހު މުސާރައާ އެކުގައެވެ. ނުވަތަ އެ ފައިސާ ދޭނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
(މ) އަތޮޅުތަކަށާއި، އަތޮޅުތަކުން މާލެއަށާއި، އެއް އަތޮޅުން އަނެއް އަތޮޅަށާއި، އެއް ރަށުން އަނެއް ރަށަށް މުވައްޒަފުން ކުރާ ރަސްމީ ދަތުރުތަކުގައި، ދަތުރު އެލަވަންސް ދިން ނަމަވެސް، ދުވާލަކު ކަނޑައެޅިފައިވާ ރަސްމީ މަސައްކަތުގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާ ގަޑިތަކަށް، އިތުރުގަޑީގެ ފައިސާ ދޭން ވާނެއެވެ. މިގޮތަށް ފައިސާ ދޭނީ، އެ ދަތުރެއްގައި ދާން ބޭނުންވާ ތަނަކަށް ދިއުމަށްފަހު، އެ ތަނެއްގައި މަސައްކަތް ކުރާ ވަގުތަށެވެ. އަދި އެ ވަގުތަކީ، މި ގަވާއިދުގެ 163 ވަނަ މާއްދާ ގައިވާ ގޮތުގެ މަތީން، ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ ކަނޑައަޅައިފައިވާ އުސޫލެއްގެ މަތީން ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރާ މަސައްކަތެއްގެ ވަގުތު ކަމަށްވާން ޖެހޭނެއެވެ. ނަމަވެސް ސެމިނަރ، ވޯކްށޮޕް ފަދަ ތަމްރީނު ދަތުރުތަކަށް އިތުރުގަޑީގެ ފައިސާއެއް ނުލިބޭނެއެވެ.
164 ވަނަ މާއްދާ - އިސްތިސްނާ ކުރެވޭ ފަރާތްތަކަށް އިތުރުގަޑީގެ ފައިސާ ދިނުން
(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބުނެފައި ނުވާނަމަ ވަޒީފާއާބެހޭ ގާނޫނުގެ 34 ވަނަ މާއްދާގައި ބުނެފައިވާ ފަދަ މަސައްކަތްކުރާ މުވައްޒަފުން ލައްވައި އިތުރުގަޑީގައި މަސައްކަތް ކުރުވާނަމަ، އިތުރުގަޑީގެ ފައިސާ ދޭންވާނީ އެ މުވައްޒަފަކު ހިމެނޭ ވަޒީފާގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީންނެވެ.
(ށ) ކަ ނޑު ދަތުރު ކުރާ އުޅަނދުފަހަރަށް މުދާ އަރުވައި ބޭލުމާއި އެފަދަ އުޅަނދުތަކަށް ބޭނުންވާ އެހެނިހެން ހިދުމަތް ފޯރު ކޮށްދިނުމާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމަށް، އުޅަނދުފަހަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ގަޑިތަކަށް، އިތުރުގަޑީގެ ފައިސާ ދޭން ވާނެއެވެ. މިގޮތަށް އުޅަނދުފަހަރުގައި މަސައްކަތް ކުރަންޖެހޭ ވަގުތު އެ އޮފީހަކުން ކަނޑައަޅައި މުވައްޒަފުންނަށް އެކަން އަންގަން ވާނެއެވެ.
165 ވަނަ މާއްދާ - ރަމަޒާން މަހުގެ މުނާސަބަތުގައި ދޭ ހާއްސަ އިނާޔަތް
(ހ) ކޮންމެ އަހަރެއްގެ ރަމަޒާން މަހުގެ މުނާސަބަތުގައި، ސިވިލް ސަރވިސްގެ ކޮންމެ މުސްލިމު މުވައްޒަފަކަށްވެސް، ހާއްސަ އިނާޔަތުގެ ފައިސާ، ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގެ މަތީން ދޭން ވާނެއެވެ.
(ށ) ރަމަޒާންމަހުގެ މުނާސަބަތުގައި ދޭ ހާއްސަ އިނާޔަތުގެ ފައިސާ ދޭނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ފައިސާ ދިނުމަށް ކަނޑައަޅާ އުސޫލުއްގެ މަތީންނެވެ.
(ނ) ސިވިލް ސަރވިސްގައި މަސައްކަތްކުރާ ވަގުތީ މުސްލިމު މުވައްޒަފުންނަށާއި ދިވެހި ސިވިލް ސަރވިސްގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ގެންގުޅޭ މުސްލިމު މުވައްޒަފުންނަށްވެސް، ރަމަޒާން މަހުގެ މުނާސަބަތުގައިދޭ ހާއްސަ އިނާޔަތުގެ ފައިސާ ދޭން ވާނެއެވެ. އަދި އެ އިނާޔަތް ދޭނީ މި މައްދާގެ (ށ) ގައި ވާ ގޮތުގެ މަތީންނެވެ.
166 ވަނަ މާއްދާ - އޮފީހުގެ ހަރަދުގައި ބޭސްފަރުވާ ކޮށްދިނުމާއި ޗުއްޓީ ހަމަޖެއްސުން
(ހ) މުވައްޒަފެއް ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އެކަމަށް ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ބޭނުންވާ އާލާތްތަކާއެކު މަސައްކަތުގައި އުޅެނިކޮށް ނުވަތަ އޮފީހަކުން ފޮނުވައިގެން މަސައްކަތަށް ބޭނުންވާ ހާއްސަ ހުނަރެއް ދަސް ކުރަން އުޅެނިކޮށް ޖާނަށް ނުވަތަ ސިއްހަތަށް ލިބުނު ގެއްލުމަކަށް ހެލްތު އިންށުއަރެންސް ސްކީމުން ހަރަދު ހަމަޖައްސައި ނުދޭނަމަ، އެ ގެއްލުމަކަށް އޮފީހުގެ ހަރަދުގައި ބޭސްފަރުވާ ކޮށްދޭން ވާނެއެވެ. ނުވަތަ އެ ސްކީމަކުން ހަމަ ޖައްސައި ދެނީ ވަކި މިންވަރެއް ނަމަ އެ ހަމަޖައްސައި ނުދޭ މިންވަރު އޮފީހުން ދޭން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ހާލަތެއް މެދުވެރިވެގެން އޮފީހުން ބޭސްފަރުވާ ކޮށްދޭ މީހަކު ފަސޭހަ ނުވަނީސް އެ މީހަކު އަމިއްލައަށް ބޭސްފަރުވާ ކުރުން ހުއްޓައިލައިފިނަމަ، އަލުން އެކަމަކަށް ބޭސްފަރުވާކޮށެއް ނުދެވޭނެއެވެ.
(ނ) މުވައްޒަފުގެ ޖާނަށް ނުވަތަ ސިއްހަތަށް ލިބުނު ގެއްލުމެއްގެ ސަބަބުން އެކަމަށް ބޭސްފަރުވާ ކުރާ މުއްދަތުގައި މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ ލިޔުމެއްގައި ވާ މުއްދަތަކަށް ބަލައި އެ މުއްދަތަކަށް މުސާރަ ލިބޭގޮތަށް މަސައްކަތަށް ނުނުކުމެ ހުރުމުގެ ހުއްދަ އެ އޮފީހުން ދޭން ވާނެއެވެ.
167 ވަނަ މާއްދާ - ހާއްސަ އެހީގެ ފައިސާ
(ހ) މުވައްޒަފެއް ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އެކަމަށް ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ބޭނުން ވާ އާލާތްތަކާއެކު މަސައްކަތުގައި އުޅެނިކޮށް، ސިވިލް ސަރވިސްގެ ވަޒީފާގައި މަސައްކަތް ކޮށް ނޫޅެވޭވަރުގެ ގެއްލުމެއް، މުވައްޒަފެއްގެ ޖާނަށް ނުވަތަ ސިއްހަތަށް، ލިބިއްޖެނަމަ، އެ ކަމަކަށް ބޭސް ކޮށްދިނުމުގެ އިތުރުން، އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރެވޭވަރުވަންދެން، އަދި އާމްދަނީއެއް ލިބޭ ވަރުގެ މަސައްކަތެއް ކުރެވޭވަރު ނުވާނަމަ، އެ މީހަކު ނިޔާވަންދެން، ހާއްސަ އެހީގެ ފައިސާގެ ގޮތުގައި، އެއިރަކު އެ މީހަކަށް ލިބެމުން އައި މުސާރައާ އެއްވަރު އަދަދަކަށް ފައިސާ، މަހު އެހީއެއްގެ ގޮތުގައި ކޮންމެ މަހަކު ވެސް އެ މުވައްޒަފަކަށް ދޭން ވާނެއެވެ. ސިވިލް ސަރވިސްގެ މަގާމެއްގައި މަސައްކަތްކޮށް ނޫޅެވޭ ވަރުގެ ގެއްލުމެއް މުވައްޒަފުގެ ޖާނަށް ނުވަތަ ސިއްހަތަށް ލިބިއްޖެނަމަ، އެ މުވައްޒަފަކަށް ޕެންށަނާބެހޭ ގާނޫނުގެ ދަށުން ލިބިދޭ އިނާޔަތްތައް ލިބުމާ ހަމަޔަށް މި މާއްދާގެ (ރ) ގައިވާ ގޮތަށް ހާއްސަ އެހީގެ ފައިސާ ލިބިދޭން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާއްސަ އެހީ ހަމަޖައްސާނީ، އެ މައްސަލައެއް ދިމާވުމުން، އެ މީހަކު އުޅޭ ދާއިރާގެ މަސްއޫލު އޮފީހުން އެކަމެއް ހިނގި ގޮތް ރަނގަޅަށް ބެލުމަށްފަހު، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތް ވާ ގޮތުގެ މަތީން އެ އިދާރާއެއްގެ އެޗް.އާރު.އެމް.ޑީ ކޮމިޓީން ނިންމާ ގޮތެއްގެ މަތީންނެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ފަދަ ގޮތެއް ދިމާވާ މުވައްޒަފުން ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ވަޒީފާއިން ވަކި ކުރަން ވާނެއެވެ.
(ރ) ހާއްސަ އެހީގެ ފައިސާ ހަމަޖައްސާނީ ވަޒީފާއިން ވަކިކުރެވުނުއިރު ލިބުނު މުސާރަ 40 އިން ގެއްލައި ހިދުމަތުގެ މުއްދަތާއި ގުނަކޮށްގެންނެވެ. މިގޮތުން ހާއްސަ އެހީގެ ފައިސާ ހަމަޖައްސައިދެވޭނީ މުވައްޒަފު ވަޒީފާއިން ވަކިކުރާ ތާރީހުން ފެށިގެންނެވެ.
(ބ) ސިވިލް ސަރވިސްގެ ގައުމީ ޒިންމާއާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި އަމަލީ ގޮތުން ހަރަކާތްތެރި ވަނިކޮށް ދިމާވާ ނުވަތަ ދިމާ ކުރުވާ ހާދިސާއެއްގެ ސަބަބުން ނިޔާވާ ސިވިލް ސަރވިސްގެ މުވައްޒަފުން، އެ މީހަކު ހީވާގި ކަމާއެކު ކޮށްދިން ގައުމީ ހިދުމަތް ސިވިލް ސަރވިސުން ވަޒަން ކުރުމުގެ ގޮތުން، ނިޔާވި މުވައްޒަފުގެ އާއިލާއަށް ތިރީގައިވާ ގޮތުގެ މަތީން އިނާޔަތް ލިބިދެވޭނެއެވެ.
- ނިޔާވި މުވައްޒަފުގެ ޖަނާޒާގެ ހަރަދު.
- ނިޔާވި މުވައްޒަފަށް ކަނޑައަޅައިފައިވާ މުސާރައިގެ %60 (ފަސްދޮޅަސް އިންސައްތަ) އާއި އެ މުވައްޒަފު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާގައި ހިދުމަތްކުރި މުއްދަތު ގުނަ ކުރުމުން ޖެހޭ އަދަދު، ގަ ނޑުކޮށް އެއްފަހަރާ ދެވޭ އިނާޔަތެއްގެ ގޮތުގައި އެ މީހެއްގެ އާއިލާއަށް ލިބިދިނުން.
- ނިޔާވި މުވައްޒަފަށް ކަނޑައަޅައިފައިވާ މުސާރައިގެ %140 (އެއްސަތޭކަ ސާޅީސް އިންސައްތަ) އަށްވާ ފައިސާ، ކޮންމެ މަހަކު ހާއްސަ އެލަވަންސެއްގެ ގޮތުގައި އެ މީހެއްގެ އާއިލާއަށް ލިބިދޭން ވާނެއެވެ. މިގޮތުން ހުވަފަތް އަނބިމީހާ ނުވަތަ ފިރިމީހާ ކައިވެނި ކުރަންދެން ނުވަތަ އޭނާގެ ދަރިންނަށް 18 އަހަރު ފުރެންދެން ނުވަތަ އޭނާ ބަލަންޖެހިފައިވާ މައިންބަފައިން ދުނިޔޭގައި ތިބިހާ ދުވަހަކަށް ލިބިދިނުން.
- ނިޔާވި މުވައްޒަފުގެ 18 އަހަރު ނުފުރޭ ދަރިން ދިވެހިރާއްޖޭގައި ތައުލީމު ހާސިލު ކުރަމުންދާނަމަ، ތައުލީމު އުނގެނުމަށް ދައްކަންޖެހޭ ފީ އާއި އިމްތިހާންތަކަށް ދައްކަންޖެހޭ ފީ، އާއިލާއިން އެދިއްޖެނަމަ، ދޭން ވާނެއެވެ.
- މުވައްޒަފު ނިޔާވުމުގެ ސަބަބުން އޭނާގެ އާއިލާ، ދިރިއުޅެމުން އައި ރަށުން މީހުން ދިރިއުޅޭ އެހެން ރަށަކަށް ނުވަތަ އަވަށަކަށް ދިރިއުޅުން ބަދަލު ކުރާނަމަ، މުވައްޒަފުގެ އާއިލާއަށް ޕެސެޖް ފީ ލިބިދެވޭނެއެވެ. ޕެސެޖް ފީ ދެވޭނީ، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ނުވަތަ އެއް އަވަށުން އަނެއް އަވަށަށް ބަދަލު ވާނަމައެވެ.
- ނިޔާވި މުވައްޒަފު ބަލަންޖެހޭ މައިންބަފައިންނަށާއި ނުވަތަ 18 އަހަރު ނުފުރޭ ދަރިންނާއި، ހުވަފަތް އަނބިމީހާ ނުވަތަ ފިރިމީހާއަށް، އެއިރެއްގައި ސަރުކާރުން ހަމަޖައްސާފައި އޮންނަ ސިއްހީ ފަރުވާދޭ ނިޒާމެއްގެ ދަށުން ދިވެހިރާއްޖެއިން ބޭސްފަރުވާ ކުރުމުގެ ހިދުމަތް ހަމަޖައްސައި ދެވޭނެއެވެ. މިގޮތުން މި ހިދުމަތް ހަމަޖައްސައި ދެވޭނީ، އެފަދަ ހިދުމަތެއް ދައުލަތުން ފޯރުކޮށް ނުދޭނަމައެވެ. އަދި އަނބިންނަށް މި ހިދުމަތް ހަމަޖައްސައި ދެވޭނީ ކައިވެނި ކުރުމާ ހަމަޔަށް ނުވަތަ ދައުލަތުން އެފަދަ ހިދުމަތެއް ހަމަޖެހިފައި ނުވާނަމައެވެ. އަދި ފިރިމީހާއަށް މި ހިދުމަތް ހަމަޖައްސައި ދެވޭނީ އޭނާއަށް ދައުލަތުން އެފަދަ ހިދުމަތެއް ހަމަޖެހިފައި ނުވާނަމަ އާއި ޔަތީމުވި 18 އަހަރު ނުފުރޭ ދަރިން ބެލެހެއްޓުމަށްޓަކައި އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރާނަމައެވެ.
- ނިޔާވި މުވައްޒަފުގެ އާއިލާއަށް މި ގަވާއިދުގައި ބަޔާންވެފައިވާ އިނާޔަތް ލިބިދިނުމުގައި ނުވަތަ އިނާޔަތް ހަވާލު ކުރުމުގައި ށަރުއީ ކޯޓަކުން ވަކިގޮތަކަށް ނިންމާފައި ނުވާ ހާލަތުގައި، އިނާޔަތް ހަވާލުކުރެވޭނީ އާއިލާގެ އެއް މެންބަރަކަށެވެ. މި އިނާޔަތް ދިނުމުގައި ނިޔާވި މުވައްޒަފުގެ އާއިލާ ކަމަށް ބަލާނީ އެ މީހެއްގެ އަނބިން/ފިރިން، އުފަންދަރިން އަދި މައިންބަފައިންނެވެ.
ޗެޕްޓަރ 17
ސިވިލް ސަރވިސްގެ މަސައްކަތު ގަޑި
168 ވަނަ މާއްދާ - ތައާރަފު
(ހ) ސިވިލް ސަރވިސްގެ މަސައްކަތުގެ ވަގުތު ކަނޑައެޅިފައި އޮންނާނީ ސަރުކާރުން އެ ހިދުމަތެއް ދިނުމަށް ކަނޑައަޅާ ގޮތެއްގެ މައްޗަށެވެ. އެގޮތުން، މުޅި ސިވިލް ސަރވިސްގެ، ނުވަތަ ސިވިލް ސަވިސްގެ އިދާރާއެއްގެ ހިދުމަތްދޭ ވަގުތަށް ނުވަތަ ގަޑިއަށް އަންނަ ނުވަތަ ގެނެވޭ ބަދަލާ ގުޅިގެން، ސިވިލް ސަރވިސްގެ މަސައްކަތު ވަގުތު އަދި ގަޑި ބަދަލު ކުރުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެން ވެއެވެ.
(ށ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގެ ދަށުން މި ގަވާއިދު އަދި ކޯޑް އޮފް ކޮންޑަކްޓްއާ ހިލާފުނުވާ ގޮތުގެ މަތީން އެ އިދާރާއެއްގެ ހިދުމަތާގުޅޭ ގޮތުން އެކުލަވައިލާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، މި މާއްދާގެ (ހ) ގައިވާ މަސައްކަތު ގަޑިއާ ތަފާތުކޮށް މަސައްކަތު ގަޑި ކަނޑައެޅި ދާނެއެވެ.
(ނ) ދިވެހ ސިވިލް ސަރވިސްގެ ގާނޫނާއި ވަޒީފާއާބެހޭ ގާނޫނާއި މި މި ގަވާއިދާ ހިލާފު ނުވާ ގޮތުގެ މަތީން، ސިވިލް ސަރވިސްގެ މުވައްޒަފަކަށް ހަފުތާގެ ކޮންމެ ދުވަހަކުވެސް، އަދި ދުވަހުގެ ކޮންމެ ގަޑިއެއްގައިވެސް، ވަޒީފާގެ ބޭނުމެއްގައި، މަސައްކަތު ނެރުމަކީ އެ މުވައްޒަފެއްގެ ވަޒީފާ އޮތް އޮފީހަކަށް އިހުތިޔާރު ލިބިގެންވާ ކަމެކެވެ.
169 ވަނަ މާއްދާ - މަސައްކަތު ހަފުތާ
(ހ) އާންމު ގޮތެއްގައި، ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތު ހަފުތާއަކީ، އާދީއްތައިން ބުރާސްފަތީގެ ނިޔަލަށް، ހަފުތާއަކު 5 (ފަހެއް) ދުވަހެވެ.
(ށ) ސިވިލް ސަރވިސްގެ ހިދުމަތްތަކުގެ ތެރެއިން ބައެއް ހިދުމަތްތަކަކީ މެދުކެނޑުމެއްނެތި ކޮންމެ ދުވަހަކު ދެމުން ގެންދަންޖެހޭ ހިދުމަތަކަށްވާތީ، އެފަދަ ހިދުމަތްދޭ ތަންތާގައި، ބަންދު ދުވަހެއްނެތި ހަފުތާގެ ހުރިހައި ދުވަހެއްގައި މަސައްކަތް އޮންނާނެއެވެ. އެފަދަ ތަންތާގައިވެސް، މަސައްކަތް އޮންނާނީ، ކަނޑައަޅައިފައިވާ ދަންފަޅީގެ އުސޫލުން، ކޮންމެ މީހަކަށްވެސް ހަފުތާއަކު ގިނަވެގެން 6 (ހަޔެއް) ދުވަހުއެވެ.
(ނ) ވަޒީފާއާބެހޭ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) އިން އިސްތިސްނާ ކުރެވިފައިވާ މުވައްޒަފުންގެ މަސައްކަތުގަޑި މި މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތް ނޫން އެހެން ގޮތަކަށް ކަނޑައެޅި ދާނެއެވެ.
(ރ) މެދުކެނޑުމެއްނެތި ހަފުތާގެ ހުރިހައި ދުވަހެއްގައި ހިދުމަތްދޭ ތަންތަން ފިޔަވައި އެހެނިހެން ތަންތާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ހަފުތާއަކު 6 (ހަޔެއް) ދުވަހު މަސައްކަތްކުރާ ގޮތަށް ހަމަޖެހިފައިވާ މުވައްޒަފުންގެ މަސައްކަތުގަޑިއަކީ އެ މުވައްޒަފު މަސައްކަތް ކުރުމަށް އެ ތަނަކުން ކަނޑައަޅައިފައިވާ ވަގުތެވެ.
(ބ) މަސައްކަތު ހަފުތާ ހަމަޖެހިފައިވާ ގޮތުން ހަފުތާއަކު 6 (ހަޔެއް) ދުވަހު މަސައްކަތް ކުރަންޖެހޭ މުވައްޒަފުންގެ ދަންފަޅި ހަމަޖެއްސުމުގައި، ވިދިވިދިގެން 24 (ސައުވީސް) ގަޑިއިރުގެ މުއްދަތު، އަރާމު ކުރުމަށް ވަގުތު ނުދީ، މުވައްޒަފެއް ލައްވައި މަސައްކަތް ކުރުވައިގެން ނުވާނެއެވެ. އަދި މެދުކެނޑުމެއްނެތި، މަދުވެގެން 30 މިނިޓުގެ ވަގުތުކޮޅެއްނުދީ، 5ގަޑިއިރަށްވުރެ ދިގުކޮށް މުވައްޒަފެއް ލައްވައި މަސައްކަތް ކުރުވައިގެން ނުވާނެއެވެ.
170 ވަނަ މާއްދާ - މަސައްކަތު ގަޑި
(ހ) އާންމުގޮތެއްގައި އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ ސަރުކާރުން ކަނޑައަޅައިފައިވާ ވަގުތެވެ. ހުސްވަގުތުކޮޅެއް ނުލިބި މަސައްކަތުގައި ހޭދަވާ ކޮންމެ ހަތަރު ގަޑިއަކުން 15 މިނިޓްގެ ހުސްވަގުތުކޮޅެއް، އަދި ނަމާދު ކުރުމަށް 15 މިނިޓްގެ ވަގުތުކޮޅެއް ދޭން ވާނެއެވެ. އަދި ކޮންމެ ފަސްގަޑި އިރަކުން 30 މިނިޓްގެ ވަގުތުކޮޅެއް، ކެއުމަށް ދޭން ވާނެއެވެ. އެ ގޮތަށް ދޭ ވަގުތުކޮޅު ދޭނެ ދަ ނޑިވަޅެއް ކަނޑައަޅާނީ އޮފީހުންނެވެ.
(ށ) ދަންފަޅި އުސޫލުން މަސައްކަތް ކުރަންޖެހޭ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ އެ ދަންފަޅިއަކަށް ކަނޑައަޅައިފައިވާ ގަޑިއެވެ.
(ނ) މުވައްޒަފުން ލައްވައި ރަސްމީގަޑީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރުވަންވާނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުވުމަށްޓަކައެވެ. މިގޮތުން މުވައްޒަފެއް އެ ދުވަހަކު ކޮންމެހެން ނިންމަންޖެހޭ މަސައްކަތެއް ނުނިމި ހުރެއްޖެނަމަ، ނުވަތަ އޮފީހުން ނިންމަންޖެހޭ ހާއްސަ މަސައްކަތެއް ކުރުމަށްޓަކައި، އޮފީހުން އަންގާ ގޮތެއްގެ މަތީން ނުރަސްމީގަޑީގައި މަސައްކަތް ކުރުވި ދާނެއެވެ.
(ރ) ބަލިވެގެން ސަލާމުގެ ޗުއްޓީ ނަގާނަމަ، ސަލާމުގެ ޗުއްޓީގައި ހުންނަ ފުރަތަމަ ދުވަހު އެ މުވައްޒަފެއްގެ ރަސްމީގަޑި ފެށޭތާ 1 (އެކެއް) ގަޑިއިރުގެ ތެރޭގައި އެކަން އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް ނުވަތަ އެ އޮފީހަކުން ކަނޑައަޅާ ފަރާތަކަށް އަންގަން ވާނެއެވެ. މިގޮތުން ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ނާންގައިފިނަމަ، ބަލާނީ ނާންނަ ދުވަހެއްގެ ގޮތުގައެވެ. އަދި މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅު އަޅަން ވާނެއެވެ.
171 ވަނަ މާއްދާ - އޮފީހުން ބޭރަށްދިޔުމާއި ރަށުން ބޭރަށް ދިޔުން
(ހ) އޮފީހުގެ ރަސްމީ މަސައްކަތު ގަޑީގައި މުވައްޒަފެއް އަމިއްލަ ބޭނުމެއްގައި އޮފީހުން ބޭރަށްދާންވާނީ، ކޮންމެހެން ނުގޮސް ނުވެއްޖެ ހާލަތެއްގައި، އެކަމެއްގެ މުހިންމުކަން ބަޔާންކޮށް، އެ މުވައްޒަފުގެ ސުޕަވައިޒަރުގެ ހުއްދަ ލިބިގެންނެވެ. އަދި އަމިއްލަ ކަންކަމުގައި މުވައްޒަފުން ބޭރަށްގޮސް، އޮފީހުން ބޭރުގައި ހޭދަކުރާ ވަގުތު، ސަބަބާއެކު، ރިކޯޑު ކޮށްފައި އޮންނަން ވާނެއެވެ.
(ށ) ރަސްމީ ދުވަހެއް ނުވަތަ ބަންދު ދުވަހެއްގައި ނަމަވެސް، ޗުއްޓީ ނެގުމަކާނުލައި، ދިމާވެ ދާނެ ކުއްލި ކަމަކަށް އިޖާބަނުދެވޭ ހިސާބަށް، ރަށުން ބޭރަށް ދާނަމަ ދާންވާނީ، އެ މުވައްޒަފެއް ރިޕޯޓު ކުރަންޖެހޭ ވެރިއަކަށް އެންގުމަށް ފަހުގައެވެ. އެއްފަސްކޮށް އޮންނަ ރަށްރަށާއި، އެއްގަމުމަގުން ގުޅުވާލެވިފައިވާ ރަށްރަށާއި އަދި މަދުވެގެން ގަޑިއަކު އެއްފަހަރު މުވައްޒަފު ވަޒީފާ އަދާކުރާ ތަނާއި މުވައްޒަފު ދާ ރަށާ ދެމެދު ފެރީދަތުރުތައް އޮންނަ ރަށްރަށަށް ދިއުން މީގެތެރެއަކު ނުހިމެނެއެވެ.
172 ވަނަ މާއްދާ - ގަޑިޖެހުން
(ހ) ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފެއްމެ، މަސައްކަތަށް ހާޒިރުވާންޖެހޭ ގަޑިއަށްވުރެ ލަހުން ހާޒިރު ވެއްޖެ ނަމަ ގަޑި ޖެހޭނެއެވެ. މުވައްޒަފެއް އާދަވެ ގަޑި ޖެހި، މަސައްކަތަށް ބުރޫ އަރާނަމަ، އެ މުވައްޒަފެއްގެ މައްޗަށް، އޮފީހުން އިސްލާހީ ފިޔަވަޅު އަޅަން ވާނެއެވެ.
(ށ) އޮފީހުގެ މަސައްކަތަށް ނުކުމެ، ގަޑި ޖެހުމުގެ ކުރިން އޮފީހަށް ހާޒިރުވިކަން އެ އިދާރާއެއްގައި މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމަށް ކަނޑައަޅައިފައިވާ ގަވާއިދެއްގެ ތެރެއިން ހާޒިރުވިގަޑި ރިކޯޑު ކުރަން ވާނެއެވެ. ހާޒިރުވާންޖެހޭ ގަޑިޖެހުމުގެ ކުރިން އޮފީހަށް ހާޒިރުވިޔަސް ހާޒިރުވިގަޑި ގަވާއިދުން ރިކޯޑު ކޮށްފައި ނުވާނަމަ، މުވައްޒަފު މަސައްކަތަށް ހާޒިރުވި ގަޑިއާއި ހާޒިރުވިކަން ސާބިތުކޮށް ދިނުމުން އެ ދުވަހަކީ ހާޒިރުވި ދުވަހެއް ކަމުގައި ބަލައި ރިކޯޑު ކުރެވޭނެއެވެ.
(ނ) އޮފީހުން އަންގައިގެން އޮފީހުގެ މަސައްކަތެއްގައި އޮފީހުން ބޭރުގައި އުޅުމުގެ ސަބަބުން، ގަޑިޖެހުމުގެ ކުރިން ހާޒިރުވިގަޑި ރިކޯޑު ނުކުރެވިއްޖެނަމަ އެ މަސައްކަތެއް ނިމިގެން އޮފީހަށް ހާޒިރުވެ، ހާޒިރީ ބަލަހައްޓާ މުވައްޒަފަކަށް އެކަން އަންގާފައި ހާޒިރުވި ގަޑި ރިކޯޑު ކުރަން ވާނެއެވެ. އަދި ސަބަބު ރިކޯޑު ކޮށްފައި އޮންނަން ވާނެއެވެ. މި ހާލަތުގައި މުވައްޒަފު ގަޑިއެއް ނުޖެހޭނެއެވެ.
(ރ) އޮފީސް ހުޅުވާ މުވައްޒަފެއް ހާޒިރުނުވެގެން، ނުވަތަ އެހެންވެސް ސަބަބަކާހުރެ، ގަޑިޖެހުނުއިރު އޮފީސް ނުހުޅުވިއްޖެނަމަ، އޮފީހުގެ މުވައްޒަފުންގެ ތެރެއިން އެ ވަގުތު ހާޒިރުވެހުރި އިސް މުވައްޒަފެއް، އެހެން މުވައްޒަފުން ހާޒިރުވި ގަޑި ބަލާނީއެވެ. އޮފީސް ހުޅުވުމުން ހާޒިރީ ރިކޯޑު ކުރާނީ އެވެ.
(ބ) މުވައްޒަފު ވަޒީފާ އަދާ ކުރަން ނުކުންނަން ހަމަޖެހިފައިވާ ގަޑިއަށް ވަޒީފާއަށް ނުނުކުމެއްޖެ ނަމަ، މި ގަވާއިދުގެ 160 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ މުވައްޒަފެއްގެ އުޖޫރައާމެދު އަމަލު ކުރެވޭނެއެވެ.
173 ވަނަ މާއްދާ - ހާއްސަ ހާލަތްތަކުގައި އޮފީހަށް ގަޑިއަށް ހާޒިރު ވެވޭގޮތް ނުވުން
ގުދުރަތީ ކަމެއް ދިމާވެގެން ނުވަތަ ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން، މުވައްޒަފަށް އޮފީހަށް ގަޑިޔަށް ހާޒިރު ނުވެވޭގޮތް ދިމާވެއްޖެނަމަ، ސަބަބު ބަޔާންކޮށް ގަޑިޖެހުމުގެ ކުރިން އެކަން އެ މުވައްޒަފުގެ ސުޕަވައިޒަރަށް އަންގަންވާނެއެވެ. އަދި މުވައްޒަފަށް ދިމާވި ހާލަތަށް ރިއާޔަތް ކުރުމަށްފަހު، އެ ދުވަހު އެ މުވައްޒަފު ގަޑި ނުޖެހޭގޮތަށް ހަމަޖެއްސުމުގެ އިހުތިޔާރު އެ އިދާރާއެއްގެ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާއަށް ލިބިގެންވެއެވެ.
174 ވަނަ މާއްދާ - ރޭނގަޑު 12.00 ގެ ފަހުން ހާއްސަ މަސައްކަތް ކުރަންޖެހޭ މުވައްޒަފު ވަޒީފާއަށް ނުކުންނަންޖެހޭ ވަގުތު ކަނޑައެޅުން
(ހ) ދަންވަރު 12.00 ގެ ފަހުން މުވައްޒަފު މަސައްކަތް ކުރާނަމަ، ދަންވަރު 12.00 ގެ ފަހުން ހިނގާ ކޮންމެ ގަޑިއިރަކަށް، ގަޑިއިރެއް އެ ދުވަހު ހެނދުނު އޮފީހަށް ނިކުތުމުގައި އެ މުވައްޒަކަށް ފަސްކޮށް ދެވި ދާނެއެވެ.
(ށ) ދަންވަރު 12:00 ގެ ފަހުން މުވައްޒަފު މަސައްކަތް ކުރި ކަމުގައި ވީނަމަވެސް ހެނދުނު އޮފީހަށް ނުކުތުން ފަސްކުރެވޭނެ އެންމެ ލަސް ގަޑިއަކީ އެ ދުވަހުގެ ހެނދުނު 11.00 އެވެ.
(ނ) ދަންވަރު 12.00 ގެ ފަހުން މުވައްޒަފު މަސައްކަތް ކުރި ކަމުގައި ވީނަމަވެސް އޮފީހުގެ މަސައްކަތާއި ހާލަތަށް ރިއާޔަތްކޮށް އެ މުވައްޒަފު ޖެހިގެން އަންނަ ދުވަހު މަސައްކަތަށް ހާޒިރު ވާންވީ ގަޑި މި މާއްދާއާ ހިލާފު ނުވާ ގޮތުގެ މަތީން ހަމަޖެއްސުމުގެ އިހުތިޔާރު ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާއަށް ލިބިގެންވެއެވެ.
ޗެޕްޓަރ 18
ބަންދު ދުވަސްތަކާއި މުވައްޒަފަށް ދެވޭ ޗުއްޓީ
175 ވަނަ މާއްދާ - ތައާރަފު
(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާނަމަ، މި ޗެޕްޓަރުގައިވާ ގޮތުގެ މަތީން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބަންދު ދުވަސްތަކާއި ޗުއްޓީ ހަމަޖައްސައި ދެވޭނެއެވެ. މުވައްޒަފުންގެ ޗުއްޓީގެ ކަންތައް ބަލަހައްޓަންވާނީ ވަޒީފާއާބެހޭ ގާނޫނާއި މި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތީން އެ މުވައްޒަފެއް މަސައްކަތް ކުރާ އިދާރާއަކުންނެވެ.
(ށ) މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާން ކޮށްފައި ނުވާނަމަ، ޗުއްޓީ ދިނުމުގައި ދުވަސް ގުނާނީ ބަންދު ދުވަސްތައް ނުހިމަނައިއެވެ.
176 ވަނަ މާއްދާ - ބަންދު ދުވަސްތައް
ވަޒީފާއާބެހޭ ގާނޫނުގައި ރަސްމީ ބަންދު ދުވަސް ކަމަށް ބުނެފައިވާ ދުވަސްތަކާއި ބަންދު ދުވަހެއް ކަމުގައި ދައުލަތުގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވާ ދުވަސްތަކަކީ ސިވިލް ސަރވިސްގެ ރަސްމީ ބަންދު ދުވަސްތަކެވެ.
177 ވަނަ މާއްދާ - ބަންދު ދުވަހުގެ އިނާޔަތް
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާނަމަ، ބަންދު ދުވަސް ކަމަށް ކަނޑައަޅައިފައިވާ ދުވަހެއްގައި މުވައްޒަފެއް ވަޒީފާއަށް ނިކުންނަން ޖެހިއްޖެނަމަ، ވަޒީފާއާބެހޭ ގާނޫނުގެ 38 ވަނަ މާއްދާއާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ބަންދު ދުވަހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިނާޔަތްދޭން ހަމަޖެހިފައިވާ އުސޫލުން އެ މުވައްޒަފަށް އިނާޔަތް ދެވޭނެއެވެ.
178 ވަނަ މާއްދާ - އަހަރީ ޗުއްޓީ
(ހ) 1 މެއި 1984 ގެ ކުރީން ސަރުކާރުގެ ވަޒީފާ ލިބިފައި ތިބި މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމަށް އަހަރު ބަލާނީ މެއި 1 އިން އޭޕްރިލް 30 ގެ ނިޔަލަށެވެ. 1 މެއި 1985 ގެ ފަހުން ސަރުކާރުގެ ވަޒީފާ ލިބުނު މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމަށް އަހަރު ބަލާނީ އެ މުވައްޒަފަށް ވަޒީފާ ލިބުނު ތާރީހަކުން (އަހަރުގެ އެ ދުވަހަކުން) ފެށިގެންނެވެ. ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުންނަށް މި ގަވާއިދުގައިވާ ގޮތުގެ މަތީން އަހަރީ ޗުއްޓީ ލިބޭނެއެވެ.
(ށ) ވަޒީފާ އަދާ ކުރާތާ އަހަރުވުމުން، ވަޒީފާއާބެހޭ ގާނޫނުގެ 39 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކޮންމެ އަހަރަކު، މުސާރަ ލިބޭގޮތަށް ކޮންމެ މުވައްޒަފަށްވެސް 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، އަހަރީ ޗުއްޓީގެ ގޮތުގައި ދޭން ވާނެއެވެ. މި ދުވަސްތައް ގުނާނީ މި ގަވާއިދުގެ 176 ވަނަ މާއްދާގައިވާ ބަންދު ދުވަސްތައް ނުހިމަނައެވެ. އަހަރީ ޗުއްޓީގެ ދުވަސްތައް އޮފީހުގެ މަސައްކަތަށް ދަތިނުވާނޭ ގޮތުގެ މަތީން އެކި ފަހަރު މަތީންވެސް ނެގި ދާނެއެވެ.
(ނ) މުވައްޒަފެއް އަހަރީ ޗުއްޓީގައި ވަނިކޮށް، އެ މުވައްޒަފެއް އާދައިގެ ގޮތުން މަސައްކަތް ކުރަންޖެހޭ ދުވަހެއް އެއީ ރަސްމީ ބަންދު ދުވަހަކަށް ވެއްޖެނަމަ، އެ ދުވަހަކަށް ދުވަހެއް އެ މުވައްޒަފުގެ އަހަރީ ޗުއްޓީއަށް އިތުރުކޮށްދޭން ވާނެއެވެ.
(ރ) އަހަރީ ޗުއްޓީގައި މުވައްޒަފެއް ހުއްޓާ އެ މުވައްޒަފެއް ލައްވައި އެއްވެސް މަސައްކަތެއް ކުރުވައިގެން ނުވާނެއެވެ. އަދި އެފަދައިން މަސައްކަތް ކުރުމަށް ހުއްދަކޮށްގެންވެސް ނުވާނެއެވެ.
(ބ) ކޮންމެ މުވައްޒަފަށްވެސް އަހަރީ ޗުއްޓީ ހައްގުވާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތީން ޗުއްޓީ ފެށި ދާނެއެވެ. މިގޮތަށް ޗުއްޓީ ފެށޭނެ އެންމެ ފަހު ތާރީހަކީ މުވައްޒަފުގެ ޗުއްޓީ ކެންސަލް ވުމުގެ މަސައްކަތު 1 (އެކެއް) ދުވަސް ކުރިންނެވެ.
(ޅ) ކޮންމެ އިދާރާއެއްގައިވެސް، މުވައްޒަފުންގެ ކަންތަކާ ހަވާލުވެ ހުންނަ ވެރިޔާ، ކޮންމެ މީލާދީ އަހަރެއް ފެށުމާއެކު، މުވައްޒަފުންނާ މަށްވަރާކޮށް، ތަނުގެ މަސައްކަތަށް ދަތިނުވާނޭހެން، ޗުއްޓީނަގާ މުވައްޒަފުންގެ މަސައްކަތަށް ބަދަލު އިންތިޒާމު ހަމަޖެއްސޭނެގޮތް ރާވައި، އެ އިންތިޒާމާއެކު މުވައްޒަފުންގެ ޗުއްޓީ ތާވަލެއް ހަދައި މުވައްޒަފުންނަށް އަންގަން ވާނެއެވެ.
(ކ) މުވައްޒަފެއް އަހަރީޗުއްޓީ ފެށުމަށްފަހު، ޗުއްޓީގެ މުއްދަތު ހަމަނުވަނީސް މަސައްކަތަށް ނެރެގެން ނުވާނެއެވެ. ނަމަވެސް މުވައްޒަފު ޗުއްޓީ ކުރުކޮށްލުމަށްފަހު މަސައްކަތަށް ނުކުތުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(އ) މުވައްޒަފަށް ހައްގުވާ އަހަރީ ޗުއްޓީ ނުނަގައި ދޫކޮށްލައިފިނަމަ، އެ ޗުއްޓީ ކެންސަލް ވާނެއެވެ. އަދި މިފަދައިން ކެންސަލްވާ ޗުއްޓީގެ ދުވަސްތަކަށް ބަދަލުގައި ފައިސާއެއް ނުދެވޭނެއެވެ.
(ވ) މުވައްޒަފެއް ވަޒީފާއިން ވަކިކުރާއިރު އެ މުވައްޒަފަށް ހައްގުވާ އަހަރީ ޗުއްޓީ ބޭނުންނުކޮށް އޮތްނަމަ، އެ ޗުއްޓީގެ ބަދަލުގައި އޭނައަށް ލިބެމުންއައި މުސާރައާއި އެހެނިހެން އިނާޔަތްތަކުން ދުވަހަކަށް ޖެހޭ މިންވަރުން އެ ދުވަސްތަކަށް ފައިސާ ދެވޭނެއެވެ. އަހަރީ ޗުއްޓީން ކެންސަލްވެފައިވާ އެއްވެސް ޗުއްޓީ ދުވަހަކަށް ފައިސާއެއް ނުދެވޭނެއެވެ.
(މ) ހިދުމަތުގެ ގޮތުން ވަކި ދުވަސްވަރެއްގައި ނޫނީ އަހަރީ ޗުއްޓީ ދެވެން ނޯންނަ މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމުގައި އަމަލު ކުރާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
- ތައުލީމީ ދާއިރާ ފަދަ ވަކި ދުވަސްވަރެއްގައި މުހިންމު ހިދުމަތްތަކެއް ދޭންޖެހުމުގެ ސަބަބުން އަހަރުތެރޭގައި ޗުއްޓީ ދިނުމަށް ދަތި މުވައްޒަފުންނަށް، ޗުއްޓީދޭނީ އެ ހިދުމަތެއް މެދު ކަ ނޑާލާފައި އޮންނަ ދުވަސްވަރުގައެވެ
- އަންހެން މުވައްޒަފެއް ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީގައި ވަނިކޮށް، އެ މުއްދަތާ ދިމާވާގޮތަށް، ވަކި ދުވަސްވަރެއްގައި ނޫނީ އަހަރީ ޗުއްޓީ ނުދެވޭ ފަދަ ހިދުމަތެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެގޮތުން ހައްގުވާ އަހަރީ ޗުއްޓީ ބޭނުން ކުރަން ފެށޭނީ ބަލިވެ އިނުމާއި ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ ހަމަވުމަށްފަހު ގައެވެ.
- އަދި ބަލިވެ އިނުމާއި ވިހެއުމާއި ގުޅިގެން ދެވިފައިވާ ޗުއްޓީގެ ސަބަބުން ހައްގުވި އަހަރީ ޗުއްޓީއިން ނުނެގި ބާކީ ހުރި ދުވަސްތައް ނެގޭނީ އެ މުވައްޒަފެއްގެ ޗުއްޓީ އަހަރު ހަމަނުވާ ކަމުގައި ވާނަމައެވެ.
(ފ) އަހަރީ ޗުއްޓީއަށް އެދޭނީ މި ގަވާއިދުގައިވާ ކަންތައްތައް ފުރިހަމަވާގޮތަށް މުވައްޒަފު މަސައްކަތްކުރާ އޮފީހުން ކަނޑައަޅާ އުސޫލުތަކުގެ ތެރެއިންނެވެ.
(ދ) މުވައްޒަފަށް ޗުއްޓީ ދޭނީ މި ގަވާއިދުގެ ޖަދުވަލު 13 ގައިވާ "ޗުއްޓީގެ ހުއްދަ" ޗިޓުންނެވެ.
179 ވަނަ މާއްދާ - ހިދުމަތުގެ މުއްދަތު މެދުކެނޑުމަށްފަހު ވަޒީފާއާ ގުޅޭ މުވައްޒަފުންގެ އަހަރީ ޗުއްޓީ
ހިދުމަތުގެ މުއްދަތު މެދުކެނޑުމަށްފަހު، ވަޒީފާ އާ ގުޅޭ މުވައްޒަފުންގެ އަހަރީ ޗުއްޓީ ހައްގުވާ ތާރީހު ބަލާނީ، އަލުން ހިދުމަތްފަށާ ދުވަހާއި ކުރިން ހިދުމަތްކުރި ދުވަސްތައް ގުޅުވާލުމުން އަހަރު ހަމަވާ ތާރީހެވެ. ނަމަވެސް ކުރިން ސިވިލް ސަރވިސްގަ ހިދުމަތް ކޮށްފައި ސިވިލް ސަރވިސްއިން ވަކިވުމަށް ފަހު އަލުން ސިވިލް ސަރވިސްއާ ގުޅޭ މުވައްޒަފުންގެ ޗުއްޓީ ގުނުމުގައި އަމަލު ކުރާނީ އަލަށް ވަންނަ މުވައްޒަފުންނާ އެއްހަމައަކުންނެވެ.
180 ވަނަ މާއްދާ - މަޔަކަށް ނުވަތަ ބަފަޔަކަށް ވުމުން ލިބޭ ޗުއްޓީ
(ހ) ވިހެއުމާ ގުޅިގެން ދަރިފުޅުގެ މަންމައަށް ލިބޭ ޗުއްޓީ ހަމަވާ ތާރީހުން ފެށިގެން، ދަރިފުޅު ބެލުމަށްޓަކައި ދަރިފުޅުގެ މަންމައަށް ނުވަތަ ބައްޕައަށް، ވަޒީފާއާބެހޭ ގާނޫނުގެ 46 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، މުވައްޒަފު އެދިއްޖެ ނަމަ، މުސާރަ ނުލިބޭގޮތަށް 1 (އެކެއް) އަހަރު ދުވަހަށްވުރެ ދިގުނޫން، ޗުއްޓީއެއް ދެވި ދާނެއެވެ. މިޗުއްޓީ ދެވޭނީ ވިހެއުމާ ގުޅިގެން ދަރިފުޅުގެ މަންމައަށް ލިބޭ ވިހެއުމުގެ ޗުއްޓީ ހަމަވާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރު ދުވަހަށްވުރެ އިތުރުނުވާ ގޮތަށެވެ.
(ށ) ދަރިފުޅު ބެލުމަށްޓަކައި ދަރިފުޅުގެ މަންމަ ނުވަތަ ބައްޕަ މި ޗުއްޓީ ބޭނުންވާނަމަ، ދަރިފުޅުގެ މަންމައަށް ވިހެއުމާ ގުޅިގެން ދިން ވިހެއުމުގެ ޗުއްޓީ ހަމަވާ ތާރީހުގެ ކުރިން، އެ މުވައްޒަފު ވަޒީފާ އަދާ ކުރާ އޮފީހަށް، ކަމާބެހޭ ލިޔުންތަކާއެކު، ހުށަހަޅަން ވާނެއެވެ. މިގޮތުން ދެވޭ ޗުއްޓީ ގުނަން ފަށާނީ ވިހެއުމާ ގުޅިގެން އަންހެން މުވައްޒަފަށް ލިބޭ ޗުއްޓީ ހަމަވާ ތާރީހާ ވިދިގެންނެވެ.
(ނ) ވިހެއުމާ ގުޅިގެން ދަރިފުޅު ބެލުމަށްޓަކައި މަންމަ ނުވަތަ ބައްޕައަށް، "މަޔަކަށް ނުވަތަ ބަފަޔަކަށް ވުމުން ލިބޭ ޗުއްޓީ" ދިނުމުގައި ދަރިފުޅުގެ މަންމައާއި ބައްޕަ ދިވެހި ސިވިލް ސަރވިސްގައި ވަޒީފާ އަދާ ކުރަމުންދާނަމަ، އެ މީހުންނަށް ފެންނަ ގޮތަކަށް މި ޗުއްޓީގެ މުއްދަތު ދެމީހުންގެ މެދުގައި ބަހައިލައިގެން ނެގި ދާނެއެވެ.
(ރ) "މަޔަކަށް ނުވަތަ ބަފަޔަކަށް ވުމުން ލިބޭ ޗުއްޓީ" ގެ ފުރިހަމަ 1 (އެކެއް) އަހަރު ބޭނުންނުވާ މުވައްޒަފުންނަށް، ވިހެއުމާއި ގުޅިގެން އަންހެން މުވައްޒަފަށް ލިބޭ ޗުއްޓީ ހަމަވާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި މި ޗުއްޓީއަށް އެދި ހުށަހެޅި ދާނެއެވެ. މި ޗުއްޓީއަށް އެދި ހުށަހަޅާއިރު، އެ މުވައްޒަފެއް ޗުއްޓީ ބޭނުންވާ މިންވަރާއި އަދި ޗުއްޓީ ފަށާ އަދި ނިންމާ ތާރީހު ބަޔާން ކުރުމާއެކު، އަދި ޗުއްޓީ ފަށާ ތާރީހުގެ ކުރިން ޗުއްޓީއަށް އެދި މަސައްކަތް ކުރާ އޮފީހަށް ހުށަހަޅަން ވާނެއެވެ.
(ބ) ކޮންމެ މުވައްޒަފަށްވެސް 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި މި ޗުއްޓީ 1 (އެކެއް) ފަހަރަށް ވުރެ ގިނަފަހަރަށް ދިނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ޅ) މި މާއްދާގައިވާ ގޮތުގެ މަތީން ދެވޭ ޗުއްޓީތައް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
181 ވަނަ މާއްދާ - ބަލިވެއިނުމާއި ވިހެއުމާ ގުޅިގެންދޭ ޗުއްޓީ
(ހ) މުވައްޒަފެއް ބަލިވެއިނދެ 27 (ހަތާވީސް) ހަފުތާގެ ފަހުން ކުއްޖަކު ވިހައިފިނަމަ (ކުއްޖާގެ ފުރާނަ ހުއްޓަސް ނެތަސް)، ބަލިވެއިނުމާ ގުޅިގެން ނުވަތަ ވިހެއުމާ ގުޅިގެން، ވަޒީފާއާބެހޭ ގާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ތިރީގައިމިވާ ގޮތުގެ މަތީން ޗުއްޓީއާއި އިނާޔަތް ދޭން ވާނެއެވެ.
(ށ) މުވައްޒަފެއް ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ނުވަތަ އެފަދަ ލިޔުމެއް ހުށަހެޅުމުން އެ މުވައްޒަފަށް، އެ ސެޓުފިކެޓު ނުވަތަ އެ ލިޔުމުގައި ބުނާ ތާރީހުން ފެށިގެން ވިހެއުމާ ގުޅިގެން 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީއެއް ބަންދު ދުވަސްތައް ނުހިމަނައި މުސާރައާއެކު ދޭން ވާނެއެވެ.
(ނ) މާބަނޑުމީހާ ވިހެއުމުގެ ދުވަސް ކައިރިވުމުގެ ސަބަބުން، ނުވަތަ ބައްޔެއް ވުމުގެ ސަބަބުން އޮފީހަށް ނުކުންނަން އުޒުރުވެރި ވާނަމަ، ވިހާނެ ކަމަށް ލަފާކުރާ ދުވަހުގެ ކުރިން ހިނގާގޮތަށް ވިހެއުމާއިގުޅިގެންދޭ ޗުއްޓީގެ 60 (ފަސްދޮޅަސް) ދުވަހުގެ ތެރެއިން 30 (ތިރީސް) ދުވަސް އެ މުވައްޒަފަށް ނެގި ދާނެއެވެ.
(ރ) މި މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެ މަތީން، މުވައްޒަފަށް ދެވޭ ޗުއްޓީއާ ގުޅިގެން މުވައްޒަފެއް ބަލިވެއިނުމާއި ވިހެއުމާއި ގުޅިގެންދޭ ޗުއްޓީގައި ވަނިކޮށް، އެ މުވައްޒަފެއް އާދައިގެ ގޮތުން މަސައްކަތް ކުރަންޖެހޭ ދުވަހެއް އެއީ ރަސްމީ ބަންދު ދުވަހަކަށް ވެއްޖެނަމަ، އެ ދުވަހަކަށް ދުވަހެއް އެ މުވައްޒަފުގެ ބަލިވެއިނުމާއި ވިހެއުމާ ގުޅިގެންދޭ ޗުއްޓީއަށް އިތުރުކޮށްދޭން ވާނެއެވެ.
(ބ) މުވައްޒަފެއް ބަލިވެއިނުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އޭނާގެ ސިއްހީ ހާލަތު ތަންނުދޭކަމަށް، މިނިސްޓްރީ އޮފް ހެލްތުގެ ކަމާބެހޭ އިދާރާއަކުން މެޑިކަލް ސެޓުފިކެޓު ދޫކުރުމަށް ހުއްދަދީފައިވާ ފަރާތަކުން މެޑިކަލް ސެޓުފިކެޓެއް ދީފިނަމަ، ވިހެއުމާގުޅިގެންދޭ ޗުއްޓީގެ 60 (ފަސްދޮޅަސް) ދުވަހުން ނުކެނޑޭގޮތަށް، ވިހެއުމުގެ ކުރިން ބަންދު ދުވަސް ހިމަނައިގެން 28( އަށާވީސް( ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭގޮތަށް އެ މުވައްޒަފަށް ނެގި ދާނެއެވެ.
(ޅ) މުވައްޒަފެއް ވިހެއުމާއި ގުޅިގެން ދެވޭ 60 ދުވަހުގެ ޗުއްޓީގެ އިތުރުން ވިހެއުމުގެ ސަބަބުން މުވައްޒަފު ނުވަތަ ވިހޭ ދަރިފުޅު ބަލިވުމުގެ ސަބަބުން، މިނިސްޓްރީ އޮފް ހެލްތުގެ ކަމާބެހޭ އިދާރާއަކުން މެޑިކަލް ސެޓުފިކެޓު ދޫކުރުމަށް ހުއްދަދީފައިވާ ފަރާތަކުން މެޑިކަލް ސެޓުފިކެޓެއް ދީފިނަމަ، ވިހެއުމާގުޅިގެންދޭ ޗުއްޓީގެ 60 (ފަސްދޮޅަސް) ދުވަހުން ނުކެނޑޭގޮތަށް، ވިހެއުމުގެ ފަހުން ބަންދު ދުވަސް ހިމަނައިގެން، ވިހެއި ދުވަހުން ފެށިގެން 40 ދުވަހުގެ ތެރޭގައި 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭގޮތަށް އެ މުވައްޒަފަށް ނެގި ދާނެއެވެ.
182 ވަނަ މާއްދާ - ވިހެއުމާ ގުޅިގެން ދެވޭ އިނާޔަތްތައް
މުވައްޒަފެއް ވިހެއުމާ ގުޅިގެން، ވަޒީފާއާބެހޭ ގާނޫނުގެ 45 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ތިރީގައިމިވާ އިނާޔަތްތައް ދޭން ވާނެއެވެ.
(ހ)
- މުވައްޒަފެއް، ވިހެއުމާއި ގުޅިގެންލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން، ދަރިފުޅުގެ އުމުރުން 12 (ބާރަ) މަސްވަންދެން ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައް ކޮށްދިނުމަށްޓަކައި މުސާރައިން، ނުކެނޑޭގޮތަށް، ކޮންމެ ދުވަހަކުވެސް ދަރިފުޅު ގާތަށް ދިއުމަށް 30 މިނިޓްގެ ހުސްވަގުތުކޮޅެއް، މަސައްކަތުގެ ވަގުތުގެ ތެރެއިން ދެ ފަހަރު، ދޭން ވާނެއެވެ.
- އަދި މުވައްޒަފު ބޭނުންވާނަމަ، މި ހުސްވަގުތުކޮޅު އެއްކޮށްލައި، 1( އެކެއް( ގަޑިއިރުގެ ހުސްވަގުތުކޮޅެއް ދެވި ދާނެއެވެ.
(ށ)
- އުމުރުން 12 (ބާރަ) މަސްދުވަސް ނުވާ ކުޑަކުދިން ގެންގުޅޭ އަންހެން މުވައްޒަފުންނަށް، އޮފީހުގެ މަސައްކަތަށް ދަތި ނުވާގޮތަށް ލުއި ކޮށްދެވޭތޯ އޮފީހުން ބަލަން ވާނެއެވެ.
- ދަންފަޅި އުސޫލުން މަސައްކަތް ކުރާ ތަންތަނުގައި ޑިއުޓީ ހަމަޖައްސާއިރު، އެފަދަ މުވައްޒަފުންނަށް ލުއިވާގޮތަށް ހަމަޖައްސައިދެވޭތޯ ބަލަން ވާނެއެވެ.
(ނ) ގިނައިރު ކޮޅަށް ހުންނަންޖެހޭ ވަޒީފާތަކާއި، މާ ބުރަކޮށް މަސައްކަތް ކުރަންޖެހޭ ވަޒީފާތަކުގައިއުޅޭ އަންހެން މުވައްޒަފުން ބަލިވެ އިނުމުން، ބަލިވެ އިނުމުގެ އުނދަގޫތަކަށް ލުއިވާނޭ ގޮތަށް، ވީވަރަކުން، މަސައްކަތް ރާވައިދެވޭތޯ ބަލަން ވާނެއެވެ.
(ރ)
- މުވައްޒަފެއް ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީގައި ހުންނަ މުއްދަތުގައި ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ ހައްގުތަކާއި، އިނާޔަތްތަކާއި، މަސައްކަތުގެ ފެންވަރު ބެލުމުން މަގާމުގެ ކުރިއެރުމެއް ހައްގުވެއްޖެނަމަ އެ ކުރިއެރުމެއް، ލިބިދިނުން ފަދަ ހައްގުތައް ފުރިހަމައަށް ލިބެން ވާނެއެވެ.
- މިގޮތުން ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ ހައްގުތަކަށާއި، މަގާމުގެ ކުރިއެރުން ލިބުމަށާއި، ވަޒީފާގެ މުއްދަތު ގުނޭ ގުނުމަކަށް އެއްވެސް އުނިކަމެއް ގެނެސްގެން ނުވާނެއެވެ.
- މުވައްޒަފު ވަޒީފާ އަދާ ކުރާ މުއްދަތަށް އެއްވެސް ހުއްޓުމެއް އައީ ކަމަކަށް ނުވަތަ މެދުކެނޑުނީކަމަކަށް ނުވަތަ އެ މުއްދަތު ކުރުވީ ކަމަކަށްވެސް ބަލައިގެން ނުވާނެއެވެ.
(ބ) އަންނަނިވި ހާލަތެއްގައި މެނުވީ ވިހެއުމާއި ގުޅިގެން ލިބޭ ޗުއްޓީ ހަމަވުމަށްފަހު އަނބުރާ އައުމުގެ ހައްގު މުވައްޒަފަށް ލިބިގެންވެއެވެ.
- މަސައްކަތްކުރާ ތަނުގެ ފަންނީ، އިގްތިސާދީ ނުވަތަ އިންތިޒާމީ ސަބަބަކާ ހުރެ އެތަނުގައި އެ މަސައްކަތް ނެތުން.
- މުވައްޒަފު ވަޒީފާ އަދާ ކުރުމަށް ނުކުޅެދުން.
(ޅ) މުވައްޒަފެއް ބަލިވެއިންތާ 16 (ސޯޅަ) ހަފުތާއަށްވުރެ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ދަރިފުޅު ބައިގެން ދިއުން ފަދަ ކަމެއް ދިމާވެއްޖެނަމަ، އެކަން ބަޔާންކޮށްދޭ ޑޮކްޓަރުގެ ލިޔުމެއް ހުށަހެޅުމުން ބަންދު ދުވަސްތައް ހިމަނައިގެން، މުސާރަ ލިބޭގޮތަށް، 10 (ދިހައެއް) ދުވަހުގެ ޗުއްޓީއެއް ދެވި ދާނެއެވެ. އެ ފަދަ ހާލަތަކީ، މި ގަވާއިދުގައި ބަޔާން ކުރާ ވިހެއުން ކަމަކަށް ނުބެލޭނެއެވެ.
(ކ)
- މުވައްޒަފެއް ބަލިވެ އިންތާ 16 (ސޯޅަ) ހަފުތާ އާ 27 (ހަތާވީސް) ހަފުތާ އާ ދެމެދުގެ މުއްދަތެއްގައި ފުރާނަހުރި ކުއްޖަކު ވިހައިފިނަމަ، އަމަލު ކުރާނީ މި ގަވާއިދުގައި، ވިހެއުމާ ގުޅިގެން އަމަލު ކުރުމަށް ކަނޑައަޅާފައިވަ ފަދައިންނެވެ.
- އެ މުއްދަތުގެ ތެރޭގައި ވިހޭއިރު ދަރިފުޅު މަރުވެފައިވާނަމަ، އެކަން ބަޔާންކޮށްދޭ ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓުފިކެޓު ހުށަހެޅުމުން، ބަންދު ދުވަސް ހިމަނައިގެން، މުސާރަ ލިބޭ ގޮތަށް، 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް ދެވި ދާނެއެވެ.
183 ވަނަ މާއްދާ - މާބަ ނޑު އަންހެނުންނާއި ޅަދަރި މައިންނަށް މަސައްކަތު ވަގުތު ކަނޑައެޅުން
ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން މާބަ ނޑުވުމުގެ ސަބަބުންނާއި ޅަދަރިމައިވުމުގެ ސަބަބުން ކަނޑައެޅިފައިވާ ގަޑިތަކަށް އޮފީހަށް ނުކުމެ އުޅުމުގައި ދަތި އުނދަގޫވާ މުވައްޒަފުންނަށް ފްލެކްސިބަލްކޮށް މަސައްކަތް ކުރެވޭނެ މަސައްކަތު ގަޑިތަކެއް ހަމަޖައްސާދިނުމަށް އެފަދަ މުވައްޒަފުން އެދިއްޖެނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ އިދާރާއެއްގެ އެޗް.އާރު.އެމް.ޑީ ކޮމިޓީއަށް އެފަދަ އިންތިޒާމެއް ހަމަޖައްސާދެވި ދާނެއެވެ.
(ހ) އެޗް.އާރު.އެމް.ޑީ ކޮމިޓީން މި އިންތިޒާމު ހަމަޖެއްސުމުގައި ސިވިލް ސަރވިސްގެ ގާނޫނާއި ވަޒީފާއާބެހޭ ގާނޫނާ ހިލާފު ނުވާގޮތެއްގެމަތީން އަމަލު ކުރާނެ އުސޫލެއް އެކުލަވައިލަން ވާނެއެވެ.
(ށ) އެ އުސޫލުގައި މި ގަވާއިދުގެ ދަށުން ފްލެކްސިބަލްކޮށް މަސައްކަތް ކުރުމަށް މުވައްޒަފުން ކަނޑައެޅޭނެ ގޮތާއި، އެ މުވައްޒަފުން ލައްވައި ފްލެކްސީކޮށް މަސައްކަތް ކުރުވާނެ މިންވަރާއި، މުއްދަތު އަދި މިގޮތަށް ހަމަޖެއްސުމުގައި އެ އިދާރާއިން ހިދުމަތް ދިނުމުގައި ދިމާވެ ދާނެ ދަތިތަކަށް ރިއާޔަތް ކުރާނެ ގޮތް ހިމެނިފައި އޮންނަން ވާނެއެވެ.
(ނ) ފްލެކްސިބަލްކޮށް މަސައްކަތް ކުރުވުމުގައި މަސައްކަތް ކުރުވާ ވަގުތުގެ މިންވަރު އެހެން މުވައްޒަފުންނަށް ވުރެ މަދު ކުރާނަމަ، އެ މުވައްޒަފެއް ހިދުމަތް ނުދޭ ގަޑިތައް އެފަދަ މުވައްޒަފުންގެ މަގާމުގެ މުސާރައިން ގަޑިއަކަށް ޖެހޭ ނިސްބަތުން މަދު ކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. ނަމަވެސް މިފަދަ ކަންކަމާ ގުޅޭ ގޮތުން އެ މުވައްޒަފަކާ ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ބައެއްގެ ގޮތުން އިތުރު އެއްބަސްވުމެއް އެ އިދާރާއަކާ އެ މުވައްޒަފާ ދެމެދު އެކުލަވައިލާފައި އޮންނަން ވާނެއެވެ.
(ރ) މުވައްޒަފާ މަސައްކަތް ހަވާލު ކުރުމާއި މަސައްކަތް ނިންމާ ސުޕަވައިޒަރަށް މުވައްޒަފު އެންގުމާއި، މަސައްކަތުގެ ފެންވަރުބެލުމާގުޅޭ މިފަދަ އެންމެހައި ރެކޯރޑް ގަވާއިދުން ބެލެހެއްޓުން ފަދަ ކަންކަން ހިމެނިފައި ހުންނަން ވާނެއެވެ.
184 ވަނަ މާއްދާ - އަނބިމީހާ ވިހެއުމުންދޭ ޗުއްޓީ
ފިރިހެން މުވައްޒަފަށް، ދަރިއަކު ލިބޭ ދުވަހުން ފެށިގެން، މުސާރަ ލިބޭގޮތަށް ވަޒީފާއާބެހޭ ގާނޫނުގެ 48 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ބަންދު ދުވަސްތައް ނުހިމަނައި 3 (ތިނެއް) ދުވަހުގެ ޗުއްޓީ ނެގި ދާނެއެވެ.
184 ވަނަ މާއްދާ - ދަރިފުޅު ހިތާނު ކުރުމުން ލިބޭޗުއްޓީ
(ހ) ވަޒީފާއާބެހޭ ގާނޫނުގެ 49 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، މުވައްޒަފުގެ ދަރިއަކު ހިތާނުކުރާ ދުވަހުން ފެށިގެން މުސާރަ ލިބޭގޮތަށް، 5 (ފަހެއް) ދުވަހުގެ ޗުއްޓީއެއް ބަންދު ދުވަސްތައް ނުހިމަނައި މުވައްޒަފަށް ނެގި ދާނެއެވެ.
(ށ) ހިތާނު ކުރުމުން ދޭ ޗުއްޓީ ދަރިފުޅުގެ މަންމައާއި ބައްޕައަށް ވެސް ލިބޭނެއެވެ.
(ނ) މުވައްޒަފު އަހަރީ ޗުއްޓީގައި ހުއްޓައި ދަރިފުޅު ހިތާނުކޮށްފިނަމަ އަހަރީ ޗުއްޓީގެ ދުވަސްތަކާއި ގުޅުވައިގެން ދަރިފުޅު ހިތާނު ކުރުމުން ލިބޭ ޗުއްޓީ ނެގި ދާނެއެވެ.
186 ވަނަ މާއްދާ - ހައްޖު ޗުއްޓީ
ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ހައްޖަށް ދާން އެދޭ މުވައްޒަފުންނަށް، ތިރީގައިވާ ގޮތުގެ މަތީން ހަމަ މުސާރައާއެކު، ހައްޖު ޗުއްޓީ ދޭން ވާނެއެވެ.
(ހ) ޗާޓަރުކުރާ މަތިންދާ ބޯޓަކުން ދަތުރުކުރާ، މާލޭގައި ވަޒީފާ އަދާ ކުރާ މީހުންނަށް އެ މީހަކު މާލެއިން ފުރާ ދުވަހުން ފެށިގެން، އެނބުރި މާލެ އަންނަ ދުވަހާ ދެމެދުގައި ހިނގާ މުއްދަތަށް.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތް ނޫން ގޮތަކުން ދާ މީހުންނަށް، އެ މީހަކު މާލެއިން ފުރާ ދުވަހަކުން ފެށިގެން ބަންދު ދުވަސް ނުހިމަނައި 30 (ތިރީސް) ދުވަހުގެ މުއްދަތަށް.
(ނ) އަތޮޅު ތެރޭގައި ވަޒީފާ އަދާ ކުރާ މީހުންނަށް މި މާއްދާގެ (ހ) އާއި، (ށ) ގައި ބުނެފައިވާ މުއްދަތުގެ އިތުރަށް ބަންދުދުވަސް ހިމަނައިގެން 15 (ފަނަރަ) ދުވަސް.
(ރ) މި މާއްދާގައިވާ ގޮތަށް އެއްވެސް މުވައްޒަފަށް ހަމަ މުސާރައާއެކު ހައްޖު ޗުއްޓީ ދެވޭނީ، އެ މުވައްޒަފު އަދާ ކުރާ ފުރަތަމަ ހައްޖަށް އެކަންޏެވެ.
(ބ) "ހައްޖު ޗުއްޓީ" ނަގާ މުވައްޒަފުން އެ ޗުއްޓީގެ މުއްދަތަށްވުރެ އިތުރުވާ ދުވަސްތައް، އެ މީހަކު އެދޭނަމަ، އަހަރީ ޗުއްޓީގެ ތެރެއިން ހަމަޖައްސައި ދެވި ދާނެއެވެ.
(ޅ) މީހަކު އަދާ ކުރާ ފުރަތަމަ ހައްޖު ފިޔަވައި އެހެން ހައްޖަކަށް ނުވަތަ އުމުރާއަށް އަހަރީ ޗުއްޓީގައި ނޫންގޮތަކަށް ދާނަމަ، ދެވޭނީ އެ ދުވަސްތަކަށް މުސާރަ ނުލިބޭ ގޮތަށް އޮފީހުން ހުއްދަ ލިބިގެންނެވެ.
- މުވައްޒަފެއް ޖަމާއަތަށް ކުރަން ވާޖިބުވެފައިއޮތް ހިދުމަތަކަށް ދަތިވާ ގޮތުން، ނުވަތަ ހިދުމަތް ލަސްވެ ބުރޫއަރާ ފަދަ ގޮތަށް، އެ މީހެއްގެ ފަރުޒު ހައްޖު ފިޔަވައި، ހައްޖާއި އުމްރާއަށް ކޮންމެ ކޮންމެ އަހަރަކު، ނުވަތަ އަވަސް އަވަހަށް، މުސާރަ ނުލިބޭ ގޮތަށް ކަމުގައިވިޔަސް، ދާ ދިއުމުގައި އެ މީހެއްގެ ވަޒީފާގެ ވާޖިބަށް ކުރެވޭ އިހުމާލަށް ސަމާލުކަން ދޭން ވާނެއެވެ.
- މިމާއްދާގައިވާ ގޮތުގެ މަތީން ހައްޖަށް ނުވަތަ އުމުރާއަށް ދާ މުއްދަތު ގުނުމުގައި ބަލާނީ، މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައިވާ ގޮތަށެވެ.
(ކ) މި މާއްދާގެ (ށ) އަދި (ނ) ބުނެފައިވާ މުއްދަތު ނިމުމުގެ ކުރިން އެނބުރި ރަށަށް އާދެވިއްޖެނަމަ، ލަސް ކުރުމަކާ ނުލައި، ވިދިގެން އަންނަ ރަސްމީ މަސައްކަތު ދުވަހު ވަޒީފާއަށް ހާޒިރު ވާން ވާނެއެވެ. މިގޮތަށް ވަޒީފާއަށް ނުކުތުމަށް ފުރުސަތު ލިބި، ވަޒީފާއަށް ހާޒިރު ނުވެއްޖެނަމަ މުވައްޒަފުގެ އެ އަމަލަކީ ގަވާއިދާ ހިލާފުވި އަމަލެއް ކަމަށް ބަލައި އިސްލާހީ ފިޔަވަޅު އެ މުވައްޒަފާމެދު އަޅަން ވާނެއެވެ.
187 ވަނަ މާއްދާ - އާއިލީ ޒިންމާގެ ޗުއްޓީ
(ހ) ވަޒީފާއާބެހޭ ގާނޫނުގެ 47 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އާއިލާގެ މެންބަރަކު ބަލިވުން ފަދަ މުވައްޒަފަށް ދިމާވާ މުހިންމު ޒިންމާއަކާ ގުޅިގެން، މުސާރަ ލިބޭގޮތަށް ބަންދު ދުވަސްތައް ނުހިމަނައި، ގިނަވެގެން 10 (ދިހައެއް) ދުވަހުގެ އާއިލީ ޒިންމާގެ ޗުއްޓީއެއް، އަހަރު ދުވަހުގެ ތެރޭގައި ދެވި ދާނެއެވެ.
(ށ) އާއިލީ ޒިންމާގެ ޗުއްޓީއަށް މުވައްޒަފު އެދެންވާނީ އަދި އާއިލީ ޒިންމާގެ ޗުއްޓީއާ ގުޅިގެން އަމަލު ކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
- އެ މުވައްޒަފަށް ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިޔަށް، ނުވަތަ އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑި ފެށޭތާ ލަސްވެގެން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް ނުވަތަ އެ އިދާރާއަކުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން އެކަން އެންގުން.
- ދަންފަޅި އުސޫލުން ހިދުމަތްތައް ދޭ ތަންތަނުގެ މުވައްޒަފުން އެ މުވައްޒަފުގެ ރަސްމީ މަސައްކަތު ގަޑި ފެށުމުގެ 1 (އެކެއް) ގަޑިއިރު ކުރިން އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް ނުވަތަ އެ އިދާރާއަކުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން އެކަން އަންގަން ވާނެއެވެ.
- އެ ދުވަހަކު އެ މުވައްޒަފާ ހަވާލު ކޮށްފައިވާ ކޮންމެހެން ނިންމަންޖެހޭ މަސައްކަތްތަކުގެ މައުލޫމާތު ސުޕަވައިޒަރަށް ދިނުމުން.
- މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މުވައްޒަފު އާއިލީ ޒިންމާގެ ޗުއްޓީގައި ހުންނަ ހުރިހައި ދުވަހަކު މި މާއްދާގެ (ށ) ގެ 1 ގައިވާ ގޮތުގެ މަތީން އެކަން އަންގަން ވާނެއެވެ.
(ނ) އާއިލީ ޒިންމާގެ ޗުއްޓީ ނަގާ ސަބަބާއި މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، "ސަލާމުގެ/އާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު" ހުށަހެޅުމުން އާއިލީ ޒިންމާގެ ޗުއްޓީ ކުރިއަށް ވެސް ނެގި ދާނެއެވެ.
(ރ) އާއިލީ ޒިންމާގެ ޗުއްޓީ ދިނުމުގައި އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުންނެވެ. ނަމަވެސް ވަޒީފާ އަދާ ކުރާތާ އަހަރު ނުވިކަމުގައި ވިޔަސް، މި ޗުއްޓީ ދެވި ދާނެއެވެ.
(ބ) އޮފީހަށް ނާންގައި އާއިލީ ޒިންމާގެ ޗުއްޓީގެ ކަންތައްތައް ފުރިހަމަ ނުކޮށްފިނަމަ، އެ ދުވަހެއް ބެލެވޭނީ ޣައިރު ހާޒިރީއަކަށެވެ. އަދި މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ މުވައްޒަފާމެދު އިސްލާހީ ފިޔަވަޅު އަޅަން ވާނެއެވެ.
188 ވަނަ މާއްދާ - ސަލާމުގެ ޗުއްޓީ
ސަލާމުގެ ޗުއްޓީ ދެވޭނީ ވަޒީފާއާބެހޭ ގާނޫނުގެ 42 ވަނަ މާއްދާއާއި މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ. ސަލާމުގެ ޗުއްޓީއަށް މުވައްޒަފު އެދެންވާނީ އަދި ސަލާމުގެ ޗުއްޓީ އާއި ގުޅިގެން އަމަލު ކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
- އެ މުވައްޒަފަށް ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިޔަށް، ބަލިވުމުގެ ސަބަބުން ނުކުތުމަށް އުޒުރުވެރިވުން.
- އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑިއަށް ނުވަތަ ރަސްމީ ގަޑި ފެށޭތާ ލަސްވެގެން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް ނުވަތަ އެ އިދާރާއަކުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން އެކަން އެންގުން.
- ދަންފަޅި އުސޫލުން ހިދުމަތްތައް ދޭ ތަންތަނުގެ މުވައްޒަފުން އެ މުވައްޒަފުގެ ރަސްމީ މަސައްކަތު ގަޑި ފެށުމުގެ 30 މިނެޓް އިރު ކުރިން އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް ނުވަތަ އެ އިދާރާއަކުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން އެކަން އަންގަން ވާނެއެވެ.
- އެ ދުވަހަކު އެ މުވައްޒަފާ ހަވާލު ކޮށްފައިވާ ކޮންމެހެން ނިންމަންޖެހޭ މަސައްކަތްތަކުގެ މައުލޫމާތު ދިނުން.
- މުވައްޒަފު ސަލާމުގެ ޗުއްޓީގައި ހުންނަ ފުރަތަމަ ދެ ދުވަހު، މި މާއްދާގެ (ހ) ގެ2 (ދޭއް) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އެކަން އަންގަން ވާނެއެވެ.
- އޮފީހަށް ނާންގައި ސަލާމުގެ ޗުއްޓީ ހަމަނުޖައްސައިފިނަމަ، އެ ދުވަހެއް ބެލެވޭނީ ޣައިރު ހާޒިރީއަކަށެވެ.
(ށ) ބަލިވެގެން، ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، މި މާއްދާގައި ބަޔާން ކުރާ ފަދަ ސެޓުފިކެޓެއް އޮފީހަށް ހުށަހަޅައިފި ނަމަ، ސަލާމުގެ ޗުއްޓީ ކުރިއަށް ވެސް ނެގި ދާނެއެވެ.
(ނ) މުވައްޒަފެއް، ސަލާމުގެ ޗުއްޓީ ނަގަންވާނީ ހަމައެކަނި އެ މުވައްޒަފެއް ބަލިވެގެން މަސައްކަތަށް ހާޒިރު ނުވެވޭވަރު ވެއްޖެ ނަމައެވެ. ބަލިނުވެ، ޗުއްޓީއެއްގެ ބޭނުމުގައި ސަލާން ބުނުމަކީ މުވައްޒަފަށް ލިބިގެންވާ ހައްގެއް ނޫނެވެ. އެ މީހަކު ބަލިނުވެ، ޗުއްޓީއެއްގެ ގޮތުގައި، ސަލާމުގެ ޗުއްޓީ ހަމަޖައްސައެއް ނުދެވޭނެއެވެ. އަދި އެ ގޮތަށް ނާންނަ ނައުން ވާނީ ޣައިރު ހާޒިރީއަށެވެ.
(ރ) ހަފުތާ ބަންދާ ދިމާކޮށް ޗުއްޓީއެއްގެ ބޭނުމުގައި ސަލާމުގެ ޗުއްޓީ ނަގަމުންދާ މުވައްޒަފުންގެ މައްސަލަ އެޗް.އާރު.އެމް.ޑީ ކޮމިޓީގައި މަށްވަރާ ކުރުމަށްފަހު އެ މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅު އެޅި ދާނެއެވެ.
(ބ) މުވައްޒަފެއް ހިދުމަތްކުރާ ކޮންމެ އަހަރަކަށް، ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް ދެވޭނީ، ގިނަވެގެން، 30 (ތިރީސް) ދުވަހެވެ.
(ޅ) ސަލާމުގެ ޗުއްޓީ ދިނުމުގައި އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުންނެވެ. ނަމަވެސް ވަޒީފާ އަދާ ކުރާތާ އަހަރު ނުވި ކަމުގައި ވިޔަސް، ސަލާމުގެ ޗުއްޓީ ދެވި ދާނެއެވެ.
189 ވަނަ މާއްދާ - އޮފީހަށް ހާޒިރު ވުމަށްފަހު ސަލާމު ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީ ނެގުން
(ހ) މުވައްޒަފު އޮފީހަށް ހާޒިރުވުމަށްފަހު، މުވައްޒަފު ބަލިވުން ނުވަތަ އާއިލާގެ މެންބަރަކު ބަލިވުން ފަދަ މުވައްޒަފަށް ދިމާވާ މުހިންމު ޒިންމާއަކާ ގުޅިގެން މަސައްކަތް ކުރުމަށް އުޒުރުވެރިވެފައި، އަދި އެ ދުވަހުގެ މަސައްކަތު ގަޑީގެ ބޮޑުބައި މަސައްކަތުގައި ހޭދަ ކޮށްފައި ވާނަމަ، އެ ދުވަހަކީ މުވައްޒަފު މަސައްކަތަށް ހާޒިރުވި ދުވަހެއްކަމަށް ބަލައި ދޫކޮށްލެވި ދާނެއެވެ.
(ށ) މުވައްޒަފު އެ ދުވަހުގެ މަސައްކަތުގަޑީގެ ކުޑަބައި މަސައްކަތުގައި ހޭދަ ކޮށްފައިވާނަމަ، އެ ދުވަހަކީ ސަލާމުގެ ޗުއްޓީ ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީގެ ދުވަހެއްގެ ގޮތުގައި ބަލައި، ސަލާމުގެ ޗުއްޓީ ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީ ހަމަޖައްސައިދޭން ވާނެއެވެ.
190 ވަނަ މާއްދާ - ސަލާމު އަދި އާއިލީ ޒިންމާގެ ޗުއްޓީއަށް ސެޓުފިކެޓު ހުށަހެޅުމާއި ފޯމު ހުށަހެޅުން
(ހ) ސަލާމުގެ ޗުއްޓީއަށް ސަލާމުގެ ސެޓުފިކެޓު ހުށަހަޅަންވާނީ ތިރީގައި މިވާ ގޮތުގެ މަތީންނެވެ.
- ސަލާމުގެ ޗުއްޓީގައި ވިދިވިދިގެން ހުންނަ މަސައްކަތު 2 (ދޭއް) ދުވަހަށްވުރެ އިތުރުވާ ދުވަސްތަކަށް އެ މީހަކު އޮފީހަށް ނުކުންނަ ފުރަތަމަ ދުވަހު ސެޓުފިކެޓު އޮފީހަށް ހުށަހަޅަން ވާނެއެވެ.
- އެ ސެޓުފިކެޓުގައި ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވުނު މުއްދަތު ބަޔާން ކޮށްފައި އޮންނަން ވާނެއެވެ.
- އެ ސެޓުފިކެޓަކީ ސިއްހީ ވުޒާރާގައި ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ ސަލާމު ސެޓުފިކެޓެއް ނުވަތަ ސެޓުފިކެޓު ދޫކުރި ގައުމެއްގެ ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަރުކަޒަކުން ސިއްހީ މަސައްކަތްތެރިއަކު ދޫ ކޮށްފައިވާ ސަލާމު ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ.
- ސިއްހީ ވުޒާރާއިން ސަލާމުގެ ސެޓުފިކެޓު ދޫ ކުރުމުގެ ހުއްދަ ދީފައިވާ މީހުން ތިބި ރަށެއްގައިނަމަ، ހުށަހަޅަންވާނީ، އެފަދަ މީހެއްގެ ސެޓުފިކެޓެކެވެ.
(ށ) އާއިލީ ޒިންމާގެ ޗުއްޓީއަށް ސަލާމުގެ ސެޓުފިކެޓު ހުށަހަޅަންވާނީ ތިރީގައި މިވާ ގޮތުގެ މަތީންނެވެ.
- އާއިލީ ޒިންމާގެ ޗުއްޓީގައި ހުރުމަށްފަހު، އޮފީހަށް ނުކުންނަ ދުވަހު ރަސްމީ މަސައްކަތު ވަގުތު ނިމުމުގެ ކުރިން، އެ މުވައްޒަފު އާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކޮށް "ސަލާމުގެ/އާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު" ހުށަހަޅަން ވާނެއެވެ. އަދި އާއިލީ ޒިންމާގެ ޗުއްޓީ ނެގީ އާއިލާގެ މީހަކު ބަލިވެގެންކަމަށް ވާނަމަ، އެ ފޯމުގެ ބަދަލުގައި ބަލިވި މީހާގެ ސަލާމުގެ ސެޓުފިކެޓުވެސް ހުށަހެޅި ދާނެއެވެ.
- ދަންފަޅި އުސޫލުން މަސައްކަތްކުރާ އިދާރާތަކުގައި "ސަލާމުގެ/އާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު" ހުށަހަޅާ ބަލައިގަތުގެ އިންތިޒާމު އެ އޮފީހަކުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖެއްސި ދާނެއެވެ.
(ނ) މުވައްޒަފު ސެޓުފިކެޓު ހުށަހަޅަން ނުޖެހޭ ގޮތަށް ސަލާމު ޗުއްޓީ ނުވަތަ އާއިލީ ޒިންމާ ޗުއްޓީގައި ހުރުމަށްފަހު، އޮފީހަށް ނުކުންނަ ދުވަހު ރަސްމީ މަސައްކަތު ވަގުތު ނިމުމުގެ ކުރިން، އެ މުވައްޒަފު ސަލާމުގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކޮށް "ސަލާމުގެ/އާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު" ހުށަހަޅަން ވާނެއެވެ. އަދި އެ ފޯމުގެ ބަދަލުގައި ސަލާމުގެ ސެޓުފިކެޓުވެސް ހުށަހެޅި ދާނެއެވެ.
(ރ) ދަންފަޅި އުސޫލުން މަސައްކަތްކުރާ އިދާރާތަކުގައި "ސަލާމުގެ/އާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު" ހުށަހަޅާ ބަލައިގަތުގެ އިންތިޒާމު އެ އޮފީހަކުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖެއްސި ދާނެއެވެ.
(ބ) މުވައްޒަފު އޮފީހަށް ހާޒިރުނުވީ ބަލިވެގެންކަން އޮފީހަށް އަންގާފައި ވީ ނަމަވެސް، މަސައްކަތަށް ނުކުންނަ ފުރަތަމަ ދުވަހު މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ސަލާމުގެ ސެޓުފިކެޓު ހުށަނާޅައިފިނަމަ، ސެޓުފިކެޓު ހުށަހަޅަންޖެހޭ ދުވަސްތައް ބެލެވޭނީ އޮފީހަށް ނާންނަ ދުވަސްތަކެއްގެ ގޮތުގައެވެ.
(ޅ) މުވައްޒަފަށް ސެޓުފިކެޓު ހުށަހެޅުމަކާ ނުލައި ސަލާމުގެ ޗުއްޓީގައި ހުރެވޭނީ ވިދިވިދިގެން މަސައްކަތު 2 (ދޭއް) ދުވަހުއެވެ. ވިދިވިދިގެން މަސައްކަތު ދެ ދުވަސް ބަލާނީ ބަންދު ދުވަސްތައް ނުހިމަނައެވެ.
(ކ) ސަލާމު ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު ނުވަތަ ސަލާމުގެ ސެޓުފިކެޓު، ކަނޑައެޅިފައިވާ ވަގުތުގެތެރޭގައި، އަދި ދަންފަޅި އުސޫލުން މަސައްކަތްކުރާ އިދާރާތަކުގައި، އެ އިދާރާއަކުން ކަނޑައަޅައިފައިވާ ގޮތަށް ހުށަނާޅައިފިނަމަ، އެ މުވައްޒަފެއްގެ މައްޗަށް އިސްލާހީ ފިޔަވަޅު އަޅަން ވާނެއެވެ. "ސަލާމުގެ/އާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު" ޖަދުވަލު 14 ގައި އެވަނީއެވެ.
191 ވަނަ މާއްދާ - ސަލާމުގެ ޗުއްޓީގައި ހުއްޓާ މުސާރަ ދޭ ދުވަސް އައުން
ސަލާމުގެ ޗުއްޓީގައި ހުއްޓާ މަހުގެ މުސާރަދޭ ދުވަސް އަތުވެއްޖެނަމަ، މުސާރަދޭ ދުވަހު ސެޓުފިކެޓު ހުށަހަޅަންޖެހޭ ދުވަސްތަކަށް ސެޓުފިކެޓު ހުށަހެޅުމުން މެނުވީ، އެ މަހުގެ މުސާރަ ދޭންވާނީ ސަލާމުގައި ހުރި ދުވަސްތަކަށް މުސާރައާއި އިނާޔަތް އުނި ކުރުމަށް ފަހުގައެވެ. އޮފީހަށް ނިކުންނަ ފުރަތަމަ ދުވަހު ސަލާމުގެ ސެޓުފިކެޓު ހުށަހަޅައިފިނަމަ ސަލާމުގެ މުއްދަތަށް ކެނޑި މުސާރަ ޖެހިގެން އަންނަ މަހުގެ މުސާރައާއެކު ދޭން ވާނެއެވެ.
192 ވަނަ މާއްދާ - ވަކި ދުވަސްވަރަކާ ދިމާކޮށް އަހަރީ ޗުއްޓީ ދިނުން
ހިދުމަތުގެ ގޮތުން ވަކި ދުވަސްވަރެއްގައި ނޫނީ އަހަރީ ޗުއްޓީ ދެވެން ނޯންނަ މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމުގައި އަމަލު ކުރާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
(ހ) ތައުލީމ ދާއިރާތައްފަދަ ވަކި ދުވަސްވަރެއްގައި މުހިންމު ހިދުމަތްތަކެއް ދޭންޖެހުމުގެ ސަބަބުން އަހަރުތެރޭގައި ޗުއްޓީ ދިނުމަށް ދަތި މުވައްޒަފުންނަށް، ޗުއްޓީދޭނީ އެ ހިދުމަތެއް މެދު ކަ ނޑާލާފައި އޮންނަ ދުވަސްވަރުގައެވެ.
(ށ) އަންހެން މުވައްޒަފެއް ބަލިވެ އިނުމާއި ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީގައި ވަނިކޮށް، އެ މުއްދަތާ ދިމާވާގޮތަށް، ވަކި ދުވަސްވަރެއްގައި ނޫނީ އަހަރީ ޗުއްޓީ ނުދެވޭ ފަދަ ހިދުމަތެއްގައި މަސައްކަތް ކުރައްވާ މުވައްޒަފަކަށް އެގޮތުން ހައްގުވާ އަހަރީ ޗުއްޓީ ބޭނުން ކުރަން ފެށޭނީ ބަލިވެ އިނުމާއި ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ ހަމަވުމަށްފަހު ގައެވެ.
ޗެޕްޓަރ 19
މުސާރަ ނުލިބޭ ގޮތަށް މުވައްޒަފުން ވީއްލުން
193 ވަނަ މާއްދާ - ތައާރަފު
ސިވިލް ސަރވިސްގެ މުވައްޒަފެއް ހިދުމަތުގައި ހޭދަކުރާ ދުވަސްތަކުގައި، ދިމާވާ ހާއްސަ ހާލަތްތަކަކާ ގުޅިގެން ދިގު މުއްދަތަކަށް މުސާރަ ނުލިބޭގޮތަށް ވަޒީފާ އަދާނުކޮށް ހުރުމަށް އެދިއްޖެ ނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލި ދާނެއެވެ.
194 ވަނަ މާއްދާ - މުސާރަ ނުލިބޭ ގޮތަށް މުވައްޒަފު ވީއްލުން
(ހ) ތިރީގައިމިވާ ކަންތައްތައް ފުރިހަމަކޮށް އެކަންކަން ކަށަވަރު ކުރުމާއެކު މަސްއޫލު އޮފީހުގެ ނުވަތަ އިދާރާގެ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާއަށް ސިވިލް ސަރވިސްގެ މުވައްޒަފެއް މުސާރަ ނުލިބޭ ގޮތަށް ވީއްލި ދާނެއެވެ.
- މުވައްޒަފު ވަޒީފާ އަދާ ކުރާ އިދާރާއިން އެ މުވައްޒަފާ ހަވާލުވެފައިވާ މަސައްކަތް، އެ މުވައްޒަފު މުސާރަ ނުލިބޭގޮތަށް ވީއްލާ މުއްދަތުގައި ކުރާނޭ ގޮތުގެ ބަދަލު އިންތިޒާމު ހަމަޖެހިފައިވުން.
- މި ގަވާއިދުގައިވާ ގޮތަށް އަމަލު ކުރުމަށް މުވައްޒަފު އެއްބަސްވެ، މުސާރަ ނުލިބޭގޮތަށް ވަޒީފާއިން ވީއްލައި ދިނުމަށް ސަބަބާއެކު، އެ މުވައްޒަފެއް ވަޒީފާ އަދާ ކުރާ އިދާރާއަކަށް ހުށަހެޅުން.
- މުވައްޒަފެއް ވީއްލި ތާރީހާއި، ވީއްލި ސަބަބު އެނގޭނޭ ގޮތަށް އެ މުވައްޒަފަކު ވަގުތީ ގޮތުން ވަޒީފާއިން ވަކިކުރާނީ އެ އިދާރާއަކުންނެވެ.
- ވީއްލާފައި ހުންނަ މުއްދަތުގައި އަދާ ކުރި މަގާމުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކެއް ނުލިބޭނެއެވެ.
- ވީއްލާފައި ހުންނަ މުއްދަތު މުވައްޒަފު ހިދުމަތްކުރި މުއްދަތެއް ކަމުގައި ނުގުނޭނެއެވެ.
(ށ) މުވައްޒަފު މުސާރަ ނުލިބޭގޮތަށް ވީއްލާފައިވާ މުއްދަތު ހަމަކޮށް އޮފީހަށް ނުކުތުމަށް އެދޭނަމަ އަމަލު ކުރާނީ ތިރީގައި މިވާ ގޮތުގެ މަތީންނެވެ.
- މުވައްޒަފު ވަޒީފާއަށް ނުކުތުމަށް އެދޭކަން އޭނާ ވަޒީފާ އަދާ ކުރާ އޮފީހަށް ހުށަހަޅަން ވާނެއެވެ.
- މުވައްޒަފު މުސާރަ ނުލިބޭގޮތަށް ވީއްލިއިރު އަދާ ކުރި ވަޒީފާއަށް ގަވާއިދާ އެއްގޮތަށް ހަމަޖައްސަން ވާނެއެވެ.
(ނ) މުސާރަ ނުލިބޭގޮތަށް ވީއްލާފައިވާ މުއްދަތު ހަމަނުވަނީސް އޮފީހަށް ނުކުތުމަށް އެދޭނަމަ، އަމަލު ކުރާނީ ތިރީގައިމިވާ ގޮތުގެ މަތީންނެވެ.
- މުވައްޒަފު އޮފީހަށް ނުކުންނަން ބޭނުންވާކަން 15 (ފަނަރަ) ދުވަސް ކުރިން މުވައްޒަފު ވަޒީފާ އަދާ ކުރާ އޮފީހަށް ހުށަހަޅަން ވާނެއެވެ.
- މިގޮތަށް ހުށަހެޅުމުން އެ މަގާމުގައި ވަގުތީ ގޮތުން މުވައްޒަފެއް ގެންގުޅޭނަމަ، އެ މުވައްޒަފަށް ނޯޓިސް ދީ ވަޒީފާއިން ވަކިކުރަން ވާނެއެވެ.
- މުސާރަ ނުލިބޭގޮތަށް ވީއްލާ އަދި ވަގުތީ ގޮތުން ވަޒީފާއިން ވަކިކުރެވުނު މުވައްޒަފަށް އޭނާ ކުރިން އަދާ ކުރި ވަޒީފާ ހަމަޖައްސަން ވާނެއެވެ.
(ރ) މުސާރަ ނުލިބޭގޮތަށް މުވައްޒަފެއް ވީއްލިކަން މަސްއޫލު އޮފީހުން މުވައްޒަފަށް އަންގާނީ މި ގަވާއިދުގެ ޖަދުވަލު 15 ގައިވާ ނަމޫނާއާ އެއްގޮތަށް ދޫކުރާ ލިއުމަކުންނެވެ.
195 ވަނަ މާއްދާ - މުސާރަ ނުލިބޭގޮތަށް ވީއްލޭ މުވައްޒަފުގެ ބަދަލުގައި ވަގުތީ ގޮތުން މީހަކު ނެގުން
މުސާރަ ނުލިބޭގޮތަށް ވީއްލާފައިވާ މުވައްޒަފު ވަގުތީ ގޮތުން ވަޒީފާއިން ވަކި ކުރުމަށްފަހު، އޮފީހުގެ މަސައްކަތަށް ދަތިވުމުގެ ސަބަބުން އެ މަގާމުގެ މަސައްކަތަށް ކޮންމެހެން މީހަކު ބޭނުންވާނަމަ، މުސާރަ ނުލިބޭގޮތަށް ވީއްލި މުވައްޒަފު ވީއްލުނު މުއްދަތު ހަމަވަންދެން ވަގުތީ ގޮތުން އެ މަގާމުގައި މީހަކު ގެންގުޅެވި ދާނެއެވެ. މިގޮތުން ގެންގުޅޭ މުވައްޒަފުންނާމެދު އަމަލު ކުރާނީ މި ގަވާއިދުގެ ޗެޕްޓަރު 9 ގައިވާ ގޮތުގެ މަތީންނެވެ.
196 ވަނަ މާއްދާ - މުސާރަ ނުލިބޭގޮތަށް ވީއްލޭ މުވައްޒަފު ރިޑަންޑެންޓް ކުރަންޖެހުން
މުސާރަ ނުލިބޭގޮތަށް ވީއްލާ ވަގުތީ ގޮތުން ވަޒީފާއިން ވަކިކުރެވިފައިވާ މުވައްޒަފެއް ވީއްލުނު މުއްދަތު ހަމަވާއިރު، އޮފީހުގެ އޮނިގަނޑަށް ގެނެވުނު ބަދަލަކާ ގުޅިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ، މަގާމު އުވާލެވިފައިވުމުގެ ސަބަބުން ވަޒީފާ ދެވެން ނެތްނަމަ، އެ މުވައްޒަފެއް ދާއިމީކޮށް ވަޒީފާއިން ވަކި ކުރުމުގައި އަމަލު ކުރާނީ، މި ގަވާއިދުގެ 23 ވަނަ ޗެޕްޓަރުގައިވާ ގޮތުގެ މަތީންނެވެ.
197 ވަނަ މާއްދާ - މުސާރަ ނުލިބޭގޮތަށް މުވައްޒަފެއް ވީއްލޭނެ ކަންތައްތައް
(ހ) ސިވިލް ސަރވިސްގެ މުވައްޒަފެއް މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތަކާ ގުޅިގެންނެވެ.
- ތިމާއަށް ސިއްހީ ފަރުވާއެއް ކުރުން ނުވަތަ ތިމާ ބަލަންޖެހިފައިވާ ނުވަތަ ބަލަހައްޓަން ޖެހިފައިވާ މީހަކު ފަރުވާ ބޭނުންވާ ބައްޔަކަށް ފަރުވާ ހޯދުމަށް.
- ދައުލަތުގެ ބޭނުމަކަށް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއެއްގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ފޮނުވާ މުވައްޒަފުންގެ ފިރި/އަނބިން އާއިލާއާއެކު ދިއުމަށް ބޭނުންވުން.
- ތިމާ ނުވަތަ ތިމާގެ ފިރި/އަނބިން/ދަރިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ކޮލިފިކޭށަނެއް ހާސިލު ކުރުމަށްޓަކައި ރާއްޖޭން ބޭރަށް ދިއުމަށް.
(ށ) މި މާއްދާގެ ދަށުން މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލުމަށް ކަނޑައަޅައި ނިންމާނީ، އެ އިދާރާއެއްގެ އެޗް.އާރު.އެމް.ޑީ ކޮމިޓީ އިންނެވެ. މުސާރަ ނުލިބޭގޮތަށް ވީއްލާފައި ހުންނަ މުއްދަތު 1 (އެކެއް) އަހަރު ދުވަހަށްވުރެ އިތުރުވާނަމަ، އެ މުވައްޒަފުގެ މަގާމު ރިޒާރވް ކުރުމާއި ނުކުރުމުގެ އިހުތިޔާރު އެޗް.އާރު.އެމް.ޑީ ކޮމިޓީއަށް ލިބިގެންވެއެވެ.
198 ވަނަ މާއްދާ - ތިމާ ނުވަތަ ތިމާ ބަލަންޖެހިފައިވާ ފަރާތަކަށް ފަރުވާ ހޯދުމަށްޓަކައި މުސާރަ ނުލިބޭގޮތަށް ވީއްލުން
ތިމާއަށް ސިއްހީ ފަރުވާއެއް ކުރުން ނުވަތަ ތިމާ ބަލަންޖެހިފައިވާ ނުވަތަ ބަލަހައްޓަން ޖެހިފައިވާ މީހަކު ފަރުވާ ބޭނުންވާ ބައްޔަކަށް ފަރުވާ ހޯދުމަށްޓަކައި، މުސާރަ ނުލިބޭގޮތަށް ވީއްލުމަށް ބޭނުންވުން.
(ހ) މުވައްޒަފު މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، ބަލިވީ ތިމާނަމަ، އެ ބައްޔެއްގެ ބާވަތާއި، މުސާރަ ނުލިބޭގޮތަށް ވީއްލުމަށް ބޭނުންވާކަމާއި، ބޭނުންވާ މުއްދަތު ބަޔާންކޮށް، މި ގަވާއިދުގައި ސެޓުފިކެޓު ގަބޫލުކުރާކަމަށް ކަނޑައަޅައިފައިވާ ސިއްހީ އެހީތެރިއެއްގެ ސެޓުފިކެޓެއް ހުށަހެޅުމުންނެވެ.
(ށ) ބަލިވީ ތިމާ ބަލަހައްޓަންޖެހިފައިވާ ނުވަތަ ބަލަންޖެހިފައިވާ މީހެއްނަމަ، އެ މީހެއްގެ ބަލީގެ ބާވަތާއި، އެ މީހަކަށް ފަރުވާ ކުރުމަށް ބޭނުންވާނެ މުއްދަތު ބަޔާންކޮށް، މި ގަވާއިދުގައި ސެޓުފިކެޓު ގަބޫލުކުރާކަމަށް ކަނޑައަޅައިފައިވާ ސިއްހީ އެހީތެރިއެއްގެ ސެޓުފިކެޓެއް ހުށަހެޅުމާއެކު، އެ މީހެއްގެ ގާތުގައި ތިމާ ކޮންމެހެން ހުންނަންޖެހޭކަން ބަޔާންކޮށް އެ މުވައްޒަފެއްގެ އޮފީހަކަށް ހުށަހެޅުމުންނެވެ.
(ނ) މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލޭނީ ގިނަވެގެން 4 (ހަތަރެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލާފައި ހުންނަ މުއްދަތު 1 (އެކެއް) އަހަރު ނުވަތަ އެއަށްވުރެ ކުރުނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން މުވައްޒަފުގެ މަގާމު ރިޒަރވް ކުރަން ވާނެއެވެ. އަދި 1 (އެކެއް) އަހަރު ދުވަހަށްވުރެ އިތުރުވާނަމަ، އެ މުވައްޒަފެއްގެ މަގާމު، ވީއްލާފައި ހުންނަ މުއްދަތަށް ރިޒާވް ކޮށްފައި ބޭއްވުމުގެ ނުވަތަ ނުބޭއްވުމުގެ އިހުތިޔާރު އެޗް.އާރު.އެމް.ޑީ ކޮމިޓީއަށް ލިބިގެންވެއެވެ.
199 ވަނަ މާއްދާ - ރަސްމީ ބޭނުންތަކަށް ރާއްޖެއިން ބޭރަށް ނުވަތަ އެއް ރަށުން އަނެއް ރަށަށް ދާ ދައުލަތުގެ މުވައްޒަފުގެ އަނބިން/ފިރިން މުސާރަ ނުލިބޭގޮތަށް ވީއްލުން
ދައުލަތުގެ ބޭނުމަކަށް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއެއްގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ފޮނުވާ މުވައްޒަފުންގެ ފިރި/އަނބިން އާއިލާއާއެކު ދިއުމަށް ބޭނުންވުން.
(ހ) މުވައްޒަފެއް މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، އެ މުވައްޒަފެއްގެ ފިރި/އަނބި މީހާ، ދައުލަތުގެ ބޭނުމަކަށް ނުވަތަ ސިވިލް ސަރވިސްގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ފޮނުވާ ކަމުގެ ރަސްމީ ލިޔުމަކާއި އެ މުވައްޒަފާ އޮތް އާއިލީގުޅުން ބަޔާންކޮށްދޭ ލިޔުން އެ އޮފީހަކަށް ހުށަހެޅުމުންނެވެ.
(ށ) ދައުލަތުގެ ބޭނުމަކަށް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއެއްގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ފޮނުވާ މުވައްޒަފުންގެ ފިރި/އަނބިން، އާއިލާއާއެކު ދިއުމަށް މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލޭނީ ގިނަވެގެން 4 (ހަތަރެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލާފައި ހުންނަ މުއްދަތު 1 (އެކެއް) އަހަރު ނުވަތަ އެއަށްވުރެ ކުރުނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން މުވައްޒަފުގެ މަގާމު ރިޒަރވް ކުރަން ވާނެއެވެ. އަދި 1 (އެކެއް) އަހަރު ދުވަހަށްވުރެ އިތުރުވާނަމަ، އެ މުވައްޒަފެއްގެ މަގާމު، ވީއްލާފައި ހުންނަ މުއްދަތަށް ރިޒާވް ކޮށްފައި ބޭއްވުމުގެ ނުވަތަ ނުބޭއްވުމުގެ އިހުތިޔާރު އެޗް.އާރު.އެމް.ޑީ ކޮމިޓީއަށް ލިބިގެންވެއެވެ.
(ނ) ވަގުތީ މުވައްޒަފުންނާއި ސިވިލް ސަރވިސްގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން ގެންގުޅޭ މުވައްޒަފުން، ދައުލަތުގެ ބޭނުމަކަށް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއެއްގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ފޮނުވާ މުވައްޒަފުންގެ ފިރި/އަނބިން، އާއިލާއާއެކު ދިއުމަށް މި ހާލަތުގެ ދަށުން ނުވީއްލޭނެއެވެ.
200 ވަނަ މާއްދާ - ހާއްސަ ހާލަތެއްގައި މުސާރަ ނުލިބޭގޮތަށް ވީއްލުން
(ހ) މުވައްޒަފަށް ދިމާވާ ހާއްސަ ހާލަތަކާއި ގުޅިގެން މުސާރަ ނުލިބޭގޮތަށް ވީއްލުމުގައި އަމަލު ކުރާނީ ތިރީގައިމިވާ ގޮތުގެ މަތީންނެވެ.
- 1 .މުވައްޒަފަށް ދިމާވެފައިވާ ހާއްސަ ހާލަތު ބަޔާންކޮށް އޮފީހަށް ހުށަހެޅުން.
- މުވައްޒަފު ހުށަހަޅާ ކަންތައްތަކަށް އެ އިދާރާއެއްގެ އެޗް.އާރު.އެމް.ޑީ ކޮމިޓީގައި މަށްވަރާ ކުރުން.
- މުވައްޒަފުގެ އަހަރީ ޗުއްޓީގައި ބާކީ އެއްވެސް ދުވަހެއް ނެތްކަން އެ އިދާރާއަކުން ކަށަވަރު ކުރުން.
- އެ އިދާރާއަކުން މުވައްޒަފު ވަޒީފާގައި އަދާ ކުރަންޖެހޭ މަސައްކަތުގެ ބަދަލު އިންތިޒާމު ހަމަޖެއްސުން.
(ށ) މިމާއްދާގެ ދަށުން މުވައްޒަފު ދޫކުރެވޭނީ 15 (ފަނަރަ) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށެވެ.
- ހާއްސަ ހާލަތުގައި ދޫކުރެވޭ މުވައްޒަފު ވަގުތީ ގޮތުން ވަޒީފާއިން ވަކި ނުކުރެވޭނެއެވެ.
- އަދި މުވައްޒަފުގެ ބަދަލުގައި އެ މަގާމުގައި މުވައްޒަފެއް ނުގެންގުޅެވޭނެއެވެ.
- އަދި އެ މުއްދަތު މުވައްޒަފު ހިދުމަތުގައި ދެމިހުރި މުއްދަތެއް ކަމުގައި ގުނޭނެއެވެ.
201 ވަނަ މާއްދާ - މުސާރަ ނުލިބޭގޮތަށް ވީއްލާފައި ހުންނަ މުއްދަތު ބޭނުން ކުރުމާއި ވަޒީފާއަށް ނުކުތުން
(ހ) މުސާރަ ނުލިބޭގޮތަށް ވީއްލާފައި ހުންނަ މުއްދަތު ބޭނުން ކުރަންވާނީ، މުސާރަ ނުލިބޭގޮތަށް ވީއްލި ބޭނުމަކަށެވެ. މިގޮތާ ހިލާފަށް އަމަލުކޮށްފިނަމަ، މުސާރަ ނުލިބޭގޮތަށް ވީއްލި ވީއްލުން ކެންސަލް ކުރުމާއެކު ވަޒީފާއަށް ނުކުތުމަށް އަންގައި، ނުނިކުމެއްޖެނަމަ މުސާރަ ނުލިބޭގޮތަށް ވީއްލި ދުވަހުން ފެށިގެން ގަވާއިދާ ހިލާފުވެފައިވާ މުވައްޒަފެއްގެ ގޮތުން ސިވިލް ސަރވިސްގެ ވަޒީފާއިން އެ މުވައްޒަފު ދާއިމީކޮށް، ގަވާއިދުގައިވާގޮތުގެ މަތީން ވަކި ކުރަން ވާނެއެވެ.
(ށ) މުސާރަ ނުލިބޭގޮތަށް ވީއްލާފައި ހުރި މުވައްޒަފެއް، ވީއްލި ބޭނުން ބަދަލު ކުރަން ބޭނުންވެއްޖެނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން، އެ މުވައްޒަފެއް މަސައްކަތްކުރާ އޮފީހަކަށް ހުށަހަޅައި އެޗް.އާރު.އެމް.ޑީ ކޮމިޓީގެ މަށްވަރާގެ މަތީން މުސާރަ ނުލިބޭގޮތަށް ވީއްލި ބޭނުން ބަދަލު ކުރަން ވާނެއެވެ.
(ނ) މުސާރަ ނުލިބޭގޮތަށް ވީއްލި މުއްދަތު ހަމަވުމަށްފަހު، އޮފީހުގެ ވަޒީފާއަށް ނުކުތުމަށް އެދި ހުށަނާޅައި ނުވަތަ ވީގޮތެއް ނާންގާ 5 (ފަހެއް) ދުވަސް ވެއްޖެނަމަ، އެ މުވައްޒަފު ދާއިމީކޮށް، ގަވާއިދުގައިވާގޮތުގެ މަތީން ވަކި ކުރަން ވާނެއެވެ.
ޗެޕްޓަރ 20
ގާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ އިންތިހާބުތަކުގައި ބައިވެރިވުން
202 ވަނަ މާއްދާ - ތައާރަފު
މި ޗެޕްޓަރަކީ ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ އިންތިހާބުތަކުގައި ވާދަ ކުރުމަށް ގަސްތުކުރާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން އިންތިހާބުގެ މުއްދަތުގައި އަމަލު ކުރާނެ އުސޫލު ބަޔާން ކުރުމަށް އެކުލަވައިލެވިފައިވާ ޗެޕްޓަރެކެވެ.
203 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުވަތަ ބައި-އިލެކްށަނަށް ކުރިމަތިލުން
(ހ) ގާނޫނު ނަންބަރު 2/2009 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ނުވަތަ ބައި-އިލެކްށަނަށް ވާދަ ކުރުމަށް ގަސްތުކުރާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން އެ އިންތިހާބެއްގައި ބައިވެރިވުމުގެ ކުރިން އެ މުވައްޒަފަކު ހުރި ވަޒީފާއިން އިސްތިއުފާ ދޭން ވާނެއެވެ.
(ހ) މަގާމުން އިސްތިއުފާ ނުދީހުރެ މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އިންތިހާބަކަށް ކުރިމަތިލައިފިނަމަ، ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިކުރެވޭނެއެވެ.
(ނ) ރައްޔިތުންގެ މަޖިލީހުގެ ނުވަތަ ބައި-އިލެކްށަނަށް ވާދަ ކުރުމަށް މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން އިސްތިއުފާ ދީފައިވާ މީހަކު، އެ މީހަކު ކުރިމަތިލާ އިންތިހާބު ކާމިޔާބު ނުކުރެވުނު ނަމަ، ނުވަތަ އެ އިންތިހާބަކުން އެ މީހެއްގެ ނަން އަނބުރާ ގެނެސްފިނަމަ، އެ މީހަކަށް ސިވިލް ސަރވިސްގެ ވަޒީފާއަކަށް ކުރިމަތިލެވި ދާނެއެވެ.
204 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުން
(ހ) ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފަކަށް ގާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ ދަށުން ބާއްވާ އިންތިހާބަކަށް ވަޒީފާއިން އިސްތިއުފާނުދީހުރެ، ކުރިމަތިލެވި ދާނެއެވެ.
(ށ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާ މުވައްޒަފު، އެ މުވައްޒަފުގެ ނަން ހުށަހަޅާ ފޯމު އިލެކްށަންސް ކޮމިށަނުން ގަބޫލުކުރި ކަމުގެ ލިޔުން ލިބުމާއެކު، އެ އިންތިހާބަކަށް އެ މީހަކު ކުރިމަތިލާފައިވާކަން ހަމަ އެ ދުވަހުމެ، އެ މުވައްޒަފު ވަޒީފާއަދާ ކުރާ އޮފީހަށް ލިޔުމުން އަންގަން ވާނެއެވެ.
205 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާ މުވައްޒަފުންގެ ވަޒީފާއާއި މުސާރައާއި އިނާޔަތްތައް
(ހ) ލޯކަލް ކައުންސިލެއްގެ މެންބަރުން ހޮވުމަށް ބޭއްވޭ އިންތިހާބަކަށް ކުރިމަތިލާ މުވައްޒަފުން، ގާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، އެ މުވައްޒަފު އިންތިހާބަށް ކުރިމަތިލައި އިލެކްށަންސް ކޮމިށަނުން ގަބޫލުކުރި ތާރީހުން ފެށިގެން، ވަޒީފާއިން ސަސްޕެންޑް ކުރެވޭނެއެވެ.
(ށ) މި މާއްދާގެ ދަށުން ސަސްޕެންޑް ކުރާ މުވައްޒަފު، ސަސްޕެންޑް ކުރާނީ އެ މުވައްޒަފު ވަޒީފާއަދާ ކުރާ އިދާރާއަކުންނެވެ. އަދި އެ މައުލޫމާތު އެ އިދާރާއަކުން ކޮމިށަނަށް ލިޔުމުން އަންގަން ވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ސަސްޕެންޑް ކުރާ މުވައްޒަފުން، ސަސްޕެންޑް ކުރެވޭނީ އެ މުވައްޒަފެއް ކުރިމަތިލައި، އިލެކްށަންސް ކޮމިށަނުން ގަބޫލުކުރި ތާރީހުން ފެށިގެން އިންތިހާބު ނިމި އިލެކްށަންސް ކޮމިށަނުން ދާއިމީ ނަތީޖާ އިއުލާން ކުރާ ތާރީހާ ހަމަޔަށެވެ.
(ރ) މި މާއްދާގެ ދަށުން ސަސްޕެންޑް ކުރެވޭ މުވައްޒަފުން ތިބޭނީ ސަސްޕެންޑް ކުރެވިފައިވާ މުއްދަތުގެ ތެރޭގައި އޮފީހަށް ނުނިކުންނަ ގޮތަށެވެ. އަދި އޮފީހުންވެސް އެ މުއްދަތުގެ ތެރޭގައި އެ މީހަކާ އޮފީހުގެ މަސައްކަތެއް ހަވާލުކޮށްގެން ނުވާނެއެވެ. އަދި އެ މީހަކު އަދާ ކުރަމުންދިޔަ މަގާމުގެ އެއްވެސް ފައިދާއެއް، އިންތިހާބުގައި ބައިވެރިވުމަށް ސަސްޕެންޑް ކުރެވިފައި ހުންނަ މުއްދަތުގައި، އިންތިހާބުގެ ބޭނުންތަކަށް ނަގައިގެން ނުވާނެއެވެ.
(ބ) މި މާއްދާގެ ދަށުން މުވައްޒަފެއް ސަސްޕެންޑް ކުރެވިފައި ހުންނަ މުއްދަތުގައި، ސަސްޕެންޑް ކުރެވޭ މުވައްޒަފު އަދާ ކުރަމުންދާ ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާ ކުރެވޭނެ ބަދަލު އިންތިޒާމު، އެ އޮފީހަކުން ހަމަޖައްސަން ވާނެއެވެ. އޮފީހުގައި މުވައްޒަފުން މަދުވުމުގެ ސަބަބުން، އޮފީހުގެ މުވައްޒަފުން ބޭނުންކޮށްގެން ބަދަލު އިންތިޒާމު ހަމަޖައްސަން ދަތިނަމަ، އެ މުއްދަތަށް އެ މަގާމުގައި މީހަކު ގެންގުޅެވި ދާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ސަސްޕެންޑް ކުރެވޭ މުވައްޒަފުންނަށް، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން، ސަސްޕެންޑް ކުރެވިފައި ހުންނަ މުއްދަތުގައި މުސާރަ އާއި އިނާޔަތްތަކެއް ނުދެވޭނެއެވެ. އަދި މުވައްޒަފު ސަސްޕެންޑް ކުރެވިފައި ހުންނަ މުއްދަތު، ދިވެހި ސިވިލް ސަރވިސްއަށް ހިދުމަތްކުރި މުއްދަތެއް ކަމުގައި ނުގުނޭނެއެވެ.
(ކ) މި ގަވާއިދުގެ ދަށުން ސަސްޕެންޑް ކުރެވޭ މުވައްޒަފަށް މުސާރަ ހިސާބު ކުރުމުގައި ބަލާނީ، ސަސްޕެންޑް ކުރެވޭ ތާރީހަކީ މުސާރަ ނުލިބޭނެ ދުވަހެއް ކަމަށާއި ސަސްޕެންޑް ކުރި ކުރުން ނިމުމަކަށް އައިސް އިއާދަވާ ދުވަހަކީ މުސާރަލިބޭ ދުވަހެއް ކަމަށެވެ.
(އ) މި މާއްދާގެ ދަށުން ކުރެވޭ ސަސްޕެންޑް ކުރުމަކީ، މި ގަވާއިދުގެ ޗެޕްޓަރު 27 ގައިވާ ގޮތުގެ މަތީން ކުރެވޭ ސަސްޕެންޑް ކުރުމެއް ނޫނެވެ.
206 ވަނަ މާއްދާ - އިންތިހާބުވުމުން ވަޒީފާއިން ވަކިކުރުން
(ހ) ލޯކަލް ކައުންސިލެއްގެ އިންތިހާބަށް ކުރިމަތިލާ މުވައްޒަފެއް އިންތިހާބު ކާމިޔާބުކޮށްފިނަމަ، އިލެކްށަންސް ކޮމިށަނުން ދާއިމީ ނަތީޖާ އިއުލާނު ކުރާތާ 48 ގަޑިއިރުގެ ތެރޭގައި ލިޔުމުން، އެ މުވައްޒަފެއް، އެކަން ވަޒީފާ އަދާ ކުރާ އޮފީހަކަށް އަންގަން ވާނެއެވެ. އަދި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، އެ މުވައްޒަފެއް އިންތިހާބު ކާމިޔާބު ކުރިކަން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކުރި ތާރީހުން ފެށިގެން ގަވާއިދުގައިވާ ގޮތުގެ މަތީން ވަޒީފާއިން ވަކި ކުރަން ވާނެއެވެ. ވަޒީފާއިން ވަކިކުރާ ސަބަބެއް ކަމުގައި ލިޔާނީ "ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 7 ގެ ދަށުން، ލޯކަލް ކައުންސިލްގެ އިންތިހާބަށް ކުރިމަތިލައި ހޮވިފައިވާތީ" މިފަދައިންނެވެ.
207 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާ މުވައްޒަފުން، ނަން އަނބުރާ ގެނައުން ނުވަތަ އިންތިހާބު ނުވުން
(ހ) ލޯކަލް ކައުންސިލެއްގެ އިންތިހާބަށް ކުރިމަތިލާ މުވައްޒަފެއް، އެ މުވައްޒަފެއްގެ ނަން އަނބުރާ ގެނެސްފިނަމަ، އެކަން ބަޔާންކޮށް ނަން އަނބުރާ ގެނައިކަން ގަބޫލުކޮށް އިލެކްށަންސް ކޮމިށަނުން ދޫ ކޮށްފައިވާ ލިޔުމާއެކު، އެ މުވައްޒަފެއް ވަޒީފާއަދާ ކުރާ އޮފީހަކަށް ހުށަހަޅަން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މުވައްޒަފު އެކަން އެ އޮފީހަކަށް ހުށަހެޅުމުން، އެ އޮފީހަކުން މުވައްޒަފު ސަސްޕެންޑް ކޮށްފައި ހުރި ހުރުން ނިމުމަކަށް ގެނެސް، އެ ހުށަހެޅި ތާރީހަކުން ފެށިގެން ވަޒީފާއަށް ނެރެ، އެކަން ކޮމިށަނަށް އަންގަން ވާނެއެވެ.
(ނ) ލޯކަލް ކައުންސިލެއްގެ އިންތިހާބަށް ކުރިމަތިލާ މުވައްޒަފަކަށް އިންތިހާބު ކާމިޔާބު ނުކުރެވިއްޖެނަމަ، އިންތިހާބުގެ ދާއިމީ ނަތީޖާ އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނު ކުރާ ތާރީހުގައި އެ މުވައްޒަފެއް އެކަން ވަޒީފާއަދާ ކުރާ އޮފީހަށް އަންގަން ވާނެއެވެ. އަދި އެކަން އެންގުމާއެކު އެ އޮފީހަކުން އެ މުވައްޒަފު ސަސްޕެންޑް ކުރެވިފައިވާ ކުރެވުން އެ ތާރީހުން ފެށިގެން ނިމުމަކަށް ގެނެސް ވަޒީފާއަށް ނުކުތުމަށް އެ މުވައްޒަފަށް އަންގަން ވާނެއެވެ. އަދި މުވައްޒަފުވެސް އެ ތާރީހުން ފެށިގެން ވަޒީފާއަށް ނުކުންނަން ވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން މުވައްޒަފު އޮފީހަށް ނުކުތުމުން، އެ އޮފީހަކުން އެކަން ކޮމިށަނަށް އަންގަން ވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން މުވައްޒަފު އޮފީހަށް ނުނުކުމެއްޖެނަމަ، އެ ފަދަ މުވައްޒަފަކާމެދު އަމަލު ކުރާނީ މި ގަވާއިދުގެ ޗެޕްޓަރު 28 ގައިވާ ގޮތުގެ މަތީންނެވެ.
ޗެޕްޓަރ 21
މުވައްޒަފުން އިދާރާތަކަށް ވީއްލުން
208 ވަނަ މާއްދާ - ތައާރަފު
ސިވިލް ސަރވިސްގެ އިދާރާއަކުން ހިންގާ ކަމެއްގައި ސިވިލް ސަރވިސްގެ އެހެން އިދާރާއެއްގެ މުވައްޒަފެއް ވަގުތީ ގޮތުން ބޭނުން ކުރަން ޖެހިއްޖެނަމަ، މުވައްޒަފު ނިސްބަތްވާ އިދާރާގެ އެޗް.އާރު.އެމް.ޑީ ކޮމިޓީން ހަމަޖައްސާ އުސޫލެއްގެ މަތީން، ކަނޑައެޅޭ ވަކިމުއްދަތަކަށް ވީއްލި ދާނެއެވެ.
209 ވަނަ މާއްދާ - ސިވިލް ސަރވިސްގެ އެހެން އިދާރާއެއްގެ ބޭނުމަށް މުވައްޒަފުން ވީއްލުން
(ހ) ސިވިލް ސަރވިސްގެ އިދާރާއަކުން ހިންގާ ކަމެއްގައި ސިވިލް ސަރވިސްގެ އެހެން އިދާރާއެއްގެ މުވައްޒަފެއް ވަގުތީ ގޮތުން ބޭނުން ކުރަން ޖެހިއްޖެނަމަ، އަމަލު ކުރާނީ ތިރީގައި މިވާގޮތުގެ މަތީންނެވެ.
- އެ އިދާރާގެ އެޗް.އާރު.އެމް.ޑީ ކޮމިޓީގެ ލަފާގެ މަތީން އެ މުވައްޒަފެއް ވަގުތީ ގޮތުން ވީއްލުމަށް އެދި، އެ މުވައްޒަފެއްގެ ހިދުމަތް ވަގުތީ ގޮތުން ބޭނުންވާ އިދާރާއިން، މުވައްޒަފު މަސައްކަތްކުރާ އިދާރާއަށް ހުށަހަޅަން ވާނެއެވެ.
- މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ވާގޮތަށް ހުށަހަޅަންވާނީ އެ އިދާރާއިން މުވައްޒަފު ވީއްލިކަން ބަޔާންކުރާ، ލިޔުމަކުންނެވެ.
- މުވައްޒަފުގެ ހިދުމަތް ބޭނުންވާ އޮފީހަކުން މުވައްޒަފެއް ވީއްލުމަށް އެދި ލިޔާ ސިޓީގައި އެ މުވައްޒަފެއް ބޭނުންވާ ސަބަބާއި، މުއްދަތު ސާފުކޮށް ލިޔަން ވާނެއެވެ.
(ށ) ސިވިލް ސަރވިސްގެ ދާއިރާގެ އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފެއް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން އެ ދާއިރާގެ އެހެން އޮފީހެއްގެ މަސައްކަތް ކުރުމަށް ވަކި މުއްދަތަކަށް ވީއްލުމުގެ އިހުތިޔާރު ޕަރމަންނަޓް ސެކްރެޓަރީއަށް، ޒިންމާދާރު އިސްވެރިޔާއަށް ލިބިގެންވެއެވެ.
(ނ)
- މި މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެ މަތީން، މުވައްޒަފެއް ވީއްލޭނީ 3 (ތިނެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަށެވެ.
- މުވައްޒަފު ދޫކުރެވޭ މުއްދަތު ހަމަވުމުގެކުރިން، އެ މީހާގެ ހިދުމަތް އެއަށްވުރެ އިތުރަށް ބޭނުންވާނަމަ، އަލުން އެ މައްސަލަ ހުށަހަޅައި އެ މުވައްޒަފުގެ ދާއިމީ ވަޒީފާ އޮތް އިދާރާގެ އެޗް.އާރު.އެމް.ޑީ ކޮމިޓީން ނިންމާ ގޮތެއްގެ މަތީން ހަމަޖައްސަން ވާނެއެވެ.
- އެއްވެސް މުވައްޒަފެއް އެއް އިދާރާއިން އަނެއް އިދާރާއަކަށް ވީއްލާފައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 6 (ހައެއް) މަސްދުވަހެވެ.
210 ވަނަ މާއްދާ - ސިވިލް ސަރވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން މުއައްސަސާތަކުގެ ބޭނުމަށް މުވައްޒަފުން ވީއްލުން
ސިވިލް ސަރވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން މުއައްސަސާއަކުން ކުރަންޖެހޭ ހާއްސަ މަސައްކަތެއް ކުރުމަށް، މުވައްޒަފުން ވީއްލުމުގައި އަމަލު ކުރާނީ ތިރީގައިމިވާ ގޮތުގެ މަތީންނެވެ.
- ސިވިލް ސަރވިސްގެ މުވައްޒަފެއްގެ ހިދުމަތް ބޭނުންވެއްޖެނަމަ، އެ މުއައްސަސާއަކުން އެ މުވައްޒަފު މަސައްކަތްކުރާ އިދާރާއަށް ލިޔަން ވާނެއެވެ.
- އެ އިދާރާއަކުން މުވައްޒަފު ވީއްލަންވާނީ އެ އިދާރާގެ އެޗް.އާރު.އެމް.ޑީ ކޮމިޓީގެ ލަފާގެ މަތީންނެވެ.
- ސިވިލް ސަރވިސްގެ މުވައްޒަފެއް ވީއްލުމަށް އެދި ލިޔާ ސިޓީގައި އެ މުވައްޒަފެއް ބޭނުންވާ ސަބަބާއި، މުއްދަތު ސާފުކޮށް ލިޔަން ވާނެއެވެ.
- މުވައްޒަފެއް ވީއްލޭނީ ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ މުއްދަތަށެވެ. އަދި ދޫކުރެވޭ މުއްދަތުގެ ތެރޭގައި އެކަމެއް ހާސިލު ކުރުމަށް އިތުރު މުއްދަތެއް ބޭނުންވާނަމަ މުއްދަތު އިތުރު ކުރުމަށް އެދި އެ މުއައްސަސާއަކުން ބޭނުންވާ މުއްދަތާއެކު ހުށަހެޅުމުން އެ މުއްދަތަށް މުވައްޒަފު ދޫ ކުރުމާމެދު ގޮތެއް ކަނޑައަޅާނީ، މި މާއްދާގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އެޗް.އާރު.އެމް.ޑީ ކޮމިޓީގެ ލަފާގެ މަތީންނެވެ.
211 ވަނަ މާއްދާ - ގައުމު ތަމްސީލު ކުރުމަށް މުވައްޒަފުން ދޫކުރުން
ރާއްޖެއާއި ރާއްޖެއިން ބޭރުގަ އި ބާއްވާ ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ގައުމު ތަމްސީލު ކުރުމަށާއި، ސިވިލް ސަރވިސްގެ މުވައްޒަފެއް ބޭނުންވެއްޖެ ހާލަތެއްގައި، އެކަމެއްގެ ތަފުސީލާއެކު އެ މުވައްޒަފު މަސައްކަތްކުރާ އިދާރާއަށް ހުށަހެޅުމުން، އެ އިދާރާގެ އެޗް.އާރު.އެމް.ޑީ ކޮމިޓީގެ ލަފާގެ މަތީން އެކަމެއް ހިންގާ މުއްދަތަށް މުވައްޒަފު ދޫކުރެވި ދާނެއެވެ.
212 ވަނަ މާއްދާ - ވީއްލާ މުވައްޒަފުން ގެންގުޅުން
(ހ) ވީއްލާފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތަށް ހާޒިރުވެ ސޮއި ކުރާނީ، އެ މުވައްޒަފެއް ދޫކުރެވިފައިވާ އިދާރާގައެވެ. ވީއްލާފައިވާ މުއްދަތުގެ ތެރޭގައި މުސާރަދޭ ދުވަސް އަންނަނަމަ، އެ ދުވަހާ ހަމަޔަށް އެ މުވައްޒަފުގެ ހާޒިރީ ރިޕޯޓު، ހިދުމަތް ލިބިގަންނަ އިދާރާއިން އެ މުވައްޒަފުގެ މަގާމު އޮތް އިދާރާއަށް ފޮނުވަން ވާނެއެވެ.
(ށ) ވީއްލާފައިވާ މުވައްޒަފުންގެ މުސާރައާއި ސަރވިސް އެލަވަންސް އަދި މަގާމާ ގުޅިފައިވާ އެލަވަންސްތައް ދޭނީ އެ މުވައްޒަފެއްގެ ދާއިމީ ވަޒީފާ އޮތް އިދާރާއިންނެވެ. އެހެނިހެން އިނާޔަތްތައް (އިތުރު ގަޑީގެ ފައިސާފަދަ) ދޭނީ އެ މުވައްޒަފެއްގެ ހިދުމަތް ލިބިގަންނަ އިދާރާއަކުންނެވެ.
(ނ) ވީއްލާފައިވާ މުއްދަތު ހަމަވުމުން، ވީއްލާފައިވާ މުވައްޒަފު ނުކުންނާނީ އެ މުވައްޒަފުގެ ދާއިމީ ވަޒީފާ އޮތް އިދާރާއަށެވެ. އަދި ވީއްލާފައިހުރި ދުވަސްތަކުގެ ހާޒިރީ ރިޕޯޓާއި އެ މުވައްޒަފާ ހަވާލުކުރެވުނު މަސައްކަތް ކުރި މިންވަރާއި ފެންވަރު ބަޔާންކުރާ ރިޕޯޓެއް އެ މުވައްޒަފެއްގެ ހިދުމަތް ލިބިގަތް އިދާރާއަކުން ދާއިމީ ވަޒީފާ އޮތް އިދާރާއަކަށް ފޮނުވަން ވާނެއެވެ.
ޗެޕްޓަރ 22
މުވައްޒަފުން މަށްރޫއުތަކުގައި މަސައްކަތް ކުރުމަށާއި އޮފީހުގެ ބޭނުމަށާއި އެހެނިހެން އޮފީސްތަކުގެ ބޭނުމަށް ރަސްމީގަޑީގައި ދޫކުރުން
213 ވަނަ މާއްދާ - ތައާރަފު
ސިވިލް ސަރވިސްގައި ހިމެނޭ ޓެކްނިކަލް އަދި ފަންނީ ހުނަރުވެރި މުވައްޒަފުން ބޭނުން ކޮށްގެން ނޫންގޮތެއްގައި މެނުވީ މަސައްކަތް ނުކުރެވޭނެ ހާލަތުގައި ހާއްސަ މަށްރޫއުތަކުގައި މަސައްކަތް ކުރުމަށާއި، އޮފީހުގެ ބޭނުމަށާއި އެހެން އޮފީސްތަކުގެ ބޭނުމަށް ރަސްމީގަޑީގައި މުވައްޒަފުން ދޫ ކުރުމާއި، ކޮމިޓީތަކާއި ބައްދަލުވުންތަކުގައި ބައިވެރިވުމަށް ތިރީގައިވާ ގޮތުގެ މަތީން މުވައްޒަފުން ދޫކުރެވި ދާނެއެވެ.
214 ވަނަ މާއްދާ - ދާއިރާގައި ހިންގޭ މަށްރޫއުތަކަށް މުސާރަ ނުލިބޭ ގޮތަށް ދޫކުރުން
ބޭރުގެ އެހީ ލިބިގެން ނުވަތަ އެނޫން ގޮތަކަށްވިއަސް އެ މުވައްޒަފެއްގެ ދާއިރާގައި ހިންގޭ ހާއްސަ މަށްރޫއަކަށް ސިވިލް ސަރވިސްއިން މުސާރަ ނުލިބޭ ގޮތަށް މުވައްޒަފުން ދޫކުރެވި ދާނެއެވެ. މިގޮތަށް މުވައްޒަފުން ދޫ ކުރުމުގައި އަމަލު ކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
(ހ) މަށްރޫއުތަކުގެ މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލައި އެކަމަށް ކުރިމަތިލާ މުވައްޒަފުންގެ މެދުގައި ހަމަހަމަ އުސޫލަކުން ފުރުސަތު ދެމުން ގެންދިއުން.
(ށ) އޮފީހުގެ މަސައްކަތަށް ބުރޫނާރާނެ ގޮތަށް ބަދަލު އިންތިޒާމު ހަމަޖެއްސުން.
(ނ) މުސާރަ ނުލިބޭގޮތަށް، މަށްރޫއުތަކަށް މުވައްޒަފުން ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ، އެ މަށްރޫއެއް ހިންގުމަށް ހަމަޖެހިފައިވާ މުއްދަތެވެ.
(ރ) އެއް މަށްރޫއު ނިންމުމަށްފަހު އެފަދަ ދެވަނަ ފުރުސަތެއް މުވައްޒަފަކަށް ދެވޭނީ މި ގަވާއިދުގެ ދަށުން އެންމެފަހުން ދޫ ކޮށްފައި ހުރި މުއްދަތުގެ ފަހަށް މަދުވެގެން 1 (އެކެއް) އަހަރު ވުމަށް ފަހުގައެވެ.
(ބ) މަށްރޫއަކަށް މުސާރަ ނުލިބޭގޮތަށް މުވައްޒަފު ދޫ ކުރުމަށްފަހު، 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން ސިވިލް ސަރވިސް ކޮމިށަނަށް އަންގަން ވާނެއެވެ. އަދި މުއްދަތު ހަމަކޮށް މުވައްޒަފު އޮފީހަށް ނިކުތުމުން އެކަންވެސް 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮމިށަނަށް އަންގަން ވާނެއެވެ.
(ޅ) މަށްރޫއަކަށް ދޫކުރި މުވައްޒަފު، މުއްދަތު ހަމަވުމުން އެނބުރި ސިވިލް ސަރވިސްއަށް އަންނަން ވާނެއެވެ. އަދި ސިވިލް ސަރވިސްއަށް އެ މީހެއްގެ ހިދުމަތް ބޭނުންނަމަ، އެ މީހަކު އެ މަށްރޫއަށް ދޫކުރި މުއްދަތަށް ސިވިލް ސަރވިސްއަށް ހިދުމަތް ކުރުމަށް
އެއްބަސްވާން ވާނެއެވެ.
(ކ) މަށްރޫއުގައި މަސައްކަތް ކުރުމަށް އެދުނުއިރު ސިވިލް ސަރވިސްއަށް ހިދުމަތް ކުރަންޖެހޭ ބޮންޑެއް އޮތްނަމަ، ދޫ ކޮށްފައިވާ މުއްދަތު ހިދުމަތް ކުރަންޖެހޭ މުއްދަތުން ކެނޑެމުން ދާނެއެވެ.
215 ވަނަ މާއްދާ - ސިވިލް ސަރވިސްގެ އިދާރާތަކުގައި ހިންގޭ މަށްރޫއުތަކަށް މުސާރަ ނުލިބޭގޮތަށް މުވައްޒަފުން ދޫކުރުން
ބޭރުގެ އެހީ ލިބިގެން ނުވަތަ އެނޫން ގޮތަކަށްވިއަސް ދައުލަތުގެ މުއައްސަސާތަކުގައި ހިންގޭ ހާއްސަ މަށްރޫއުތަކުގެ ތެރެއިން ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތް ކުރާ އިދާރާތަކުގައި ހިންގޭ މަށްރޫއުތަކުގެ މަސައްކަތަށް މުސާރަ ނުލިބޭގޮތަށް މުވައްޒަފުން ދޫކުރެވި ދާނެއެވެ. މި ގޮތަށް މުވައްޒަފުން ދޫ ކުރުމުގައި ތިރީގައިވާ ގޮތުގެ މަތީން އަމަލު ކުރަމުން ގެންދަން ވާނެއެވެ.
(ހ) މަށްރޫއުތަކުގެ މަސައްކަތް ކުރުމުގެ ފުރުސަތު ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހުޅުވާލައި، އެކަމަށް ކުރިމަތިލާ މުވައްޒަފުންގެ ތެރެއިން އެންމެ ގާބިލުކަމާއެކު އެ މަސައްކަތް ކުރެވޭނެ ފަރާތަކަށް އެ ފުރުސަތު ދިނުން.
(ށ) އޮފީހުގެ މަސައްކަތަށް ބުރޫނާރާނެ ގޮތަކަށް ބަދަލު އިންތިޒާމު ހަމަޖެއްސުން.
(ނ) މުސާރަ ނުލިބޭ ގޮތަށް، މަށްރޫއުތަކަށް މުވައްޒަފުން ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ، އެ މަށްރޫއެއް ހިންގުމަށް ހަމަޖެހިފައިވާ މުއްދަތެވެ.
(ރ) އެއް މަށްރޫއު ނިންމުމަށްފަހު އެފަދަ ދެވަނަ ފުރުސަތެއް މުވައްޒަފަކަށް ލިބޭނީ މި ގަވާއިދުގެ ދަށުން އެންމެފަހުން ދޫ ކޮށްފައިހުރި މުއްދަތުގެ ފަހަށް މަދުވެގެން 1 (އެކެއް) އަހަރު ވުމަށް ފަހުގައެވެ.
(ބ) މަށްރޫއަކަށް މުސާރަ ނުލިބޭގޮތަށް މުވައްޒަފު ދޫ ކުރުމަށްފަހު، 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން ސޮފްޓްވެއަރ އިން އަޕްޑޭޓް ކުރަން ވާނެއެވެ. އަދި މުއްދަތު ހަމަކޮށް މުވައްޒަފު އޮފީހަށް ނިކުތުމުން އެކަންވެސް 7 (ހަތެއް) ދުވަހުގެ ތެރޭގައި ސޮފްޓްވެއަރ އިން އަޕްޑޭޓް ކުރަން ވާނެއެވެ.
(ޅ) މަށްރޫއަކަށް ދޫކުރި މުވައްޒަފު، މުއްދަތު ހަމަވުމުން އެނބުރި ސިވިލް ސަރވިސްއަށް އަންނަން ވާނެއެވެ. އަދި ސިވިލް ސަރވިސްއަށް އެ މީހެއްގެ ހިދުމަތް ބޭނުންނަމަ، އެ މީހަކު އެ މަށްރޫއަށް ދޫކުރި މުއްދަތަށް ސިވިލް ސަރވިސްއަށް ހިދުމަތް ކުރުމަށް އެއްބަސްވާން ވާނެއެވެ.
(ކ) މަށްރޫއުގައި މަސައްކަތް ކުރުމަށް އެދުނުއިރު ސިވިލް ސަރވިސްއަށް ހިދުމަތް ކުރަންޖެހޭ ބޮންޑެއް އޮތްނަމަ، ދޫ ކޮށްފައިވާ މުއްދަތު ހިދުމަތް ކުރަންޖެހޭ މުއްދަތުން ކެނޑެމުން ދާނެއެވެ.
216 ވަނަ މާއްދާ - އެހީދޭ ޖަމްއިއްޔާތަކުން ހިންގާ މަށްރޫއުތަކަށް ދޫކުރުން
އެހީދޭ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ރާއްޖޭގައި ހިންގާ ހާއްސަ މަށްރޫއުތަކުގައި މަސައްކަތް ކުރުމަށް މުސާރަ ނުލިބޭ ގޮތަށް މުވައްޒަފުން ދޫކުރެވި ދާނެއެވެ. މި ގޮތަށް މުވައްޒަފުން ދޫކުރުމުގައި ތިރީގައިވާ ގޮތުގެ މަތީން އަމަލު ކުރަން ވާނެއެވެ.
(ހ) ދޫކުރާ މުވައްޒަފަކީ މަށްރޫއުތަކުގެ މަސައްކަތް ކުރުމުގެ ފުރުސަތު އެހީދޭ ޖަމްއިއްޔާއަކުން އާންމުކޮށް ހުޅުވައިލުމުން އެކަމަށް ކުރިމަތިލާ މުވައްޒަފުންގެ ތެރެއިން މުވައްޒަފެއް ކަމުގައި ވުން.
(ށ) އޮފީހުގެ މަސައްކަތަށް ބުރޫނާރާނެ ގޮތަކަށް ބަދަލު އިންތިޒާމު ހަމަޖެއްސުން.
(ނ) މުސާރަ ނުލިބޭ ގޮތަށް، މަށްރޫއުތަކަށް މުވައްޒަފުން ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ، އެ މަށްރޫއެއް ހިންގުމަށް ހަމަޖެހިފައިވާ މުއްދަތެވެ.
(ރ) އެއް މަށްރޫއު ނިންމުމަށްފަހު އެފަދަ ދެވަނަ ފުރުސަތެއް މުވައްޒަފަކަށް ލިބޭނީ މި ގަވާއިދުގެ ދަށުން އެންމެފަހުން ދޫ ކޮށްފައިހުރި މުއްދަތުގެ ފަހަށް މަދުވެގެން 1 (އެކެއް) އަހަރު ވުމަށް ފަހުގައެވެ.
(ބ) މަށްރޫއަކަށް މުސާރަ ނުލިބޭގޮތަށް މުވައްޒަފު ދޫ ކުރުމަށްފަހު، 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން ސޮފްޓްވެއަރ އިން އަޕްޑޭޓް ކުރަން ވާނެއެވެ. އަދި މުއްދަތު ހަމަކޮށް މުވައްޒަފު އޮފީހަށް ނިކުތުމުން އެކަންވެސް 7 (ހަތެއް) ދުވަހުގެ ތެރޭގައި ސޮފްޓްވެއަރ އިން އަޕްޑޭޓްކުރަން ވާނެއެވެ.
(ޅ) މަށްރޫއަކަށް ދޫކުރި މުވައްޒަފު، މުއްދަތު ހަމަވުމުން އެނބުރި ސިވިލް ސަރވިސްއަށް އަންނަން ވާނެއެވެ. އަދި ސިވިލް ސަރވިސްއަށް އެ މީހެއްގެ ހިދުމަތް ބޭނުންނަމަ، އެ މީހަކު އެ މަށްރޫއަށް ދޫކުރި މުއްދަތަށް ސިވިލް ސަރވިސްއަށް ހިދުމަތް ކުރުމަށް އެއްބަސްވާން ވާނެއެވެ.
(ކ) ސިވިލް ސަރވިސްއަށް ހިދުމަތް ކުރަންޖެހޭ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، މުސާރަނުލިބޭގޮތަށް މަށްރޫއުގެ މަސައްކަތަށް ދޫ ކުރުމުގެ ކުރިން، އެ މުވައްޒަފެއް ސަރުކާރަށް ހިދުމަތް ކުރަންޖެހޭ މުއްދަތު ފަސް ކޮށްދިނުމަށް އެދުމާއެކު، އެކަން އެޗް.އާރު.އެމް.ޑީ ކޮމިޓީގައި މަށްވަރާކޮށް ގޮތެއް ނިންމަން ވާނެއެވެ.
217 ވަނަ މާއްދާ - ދާއިރާގައި ހިންގޭ މަށްރޫއުތަކުގައި ހިދުމަތުގައި ދެމިހުރެ މަސައްކަތް ކުރުން
މުވައްޒަފު މަސައްކަތްކުރާ ދާއިރާގެ އިދާރާއެއްގައި ހިންގޭ ހާއްސަ މަށްރޫއެއްގެ މަސައްކަތް ކުރުމަށް، މުވައްޒަފު ހިދުމަތުގައި ދެމިހުރެ، މުވައްޒަފާ ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން، އިތުރު މަސްއޫލިއްޔަތެއްގެ ގޮތުގައި މަށްރޫއުގެ މަސައްކަތް ކުރެވި ދާނެއެވެ. މިގޮތަށް މުވައްޒަފު ހިދުމަތުގައި ދެމިހުރެ މަށްރޫއުތަކުގެ މަސައްކަތް ހަވާލު ކުރުމުގައި އަމަލު ކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
(ހ) މަށްރޫއުތަކުގެ މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލައި އެކަމަށް ކުރިމަތިލާ މުވައްޒަފުންގެ މެދުގައި ހަމަހަމަ އުސޫލަކުން ފުރުސަތު ދެމުންގެންދިއުން.
(ށ) މުވައްޒަފުގެ މަގާމުގެ މަސައްކަތް ކުރާނެ ގޮތާއި ވަގުތު އަދި މަށްރޫއުގެ މަސައްކަތް ކުރާނެ ގޮތާއި ވަގުތު ކަނޑައަޅައި ބަޔާން ކުރުން.
(ނ) މުވައްޒަފުގެ މަގާމުގެ މަސައްކަތުގެ އިތުރަށް ކުރަންޖެހޭ މަސައްކަތަށް މަށްރޫއުން ކަނޑައަޅާ އެލަވަންސެއް ދެވި ދާނެއެވެ.
(ރ) މިފަދައިން މަށްރޫއުތަކުގެ މަސައްކަތް މުވައްޒަފުންނާ ހަވާލުކޮށްގެން ކުރެވޭނޭ އެންމެ ދިގު މުއްދަތަކީ އެ މަށްރޫއެއް ހިންގުމަށް ހަމަޖެހިފައިވާ މުއްދަތެވެ.
(ބ) މަށްރޫއެއްގެ މަސައްކަތް ހަވާލުކުރެވޭ މުވައްޒަފާ ހަވާލުކުރެވިފައިވާ މަގާމުގެ މަސައްކަތް ކުރަމުންގެންދާ ގޮތުގެ ފެންވަރު ބަލައި ވަޒަން ކުރުން.
218 ވަނަ މާއްދާ - މަށްރޫއުތަކުގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޮވާނެ މިންގަ ނޑް
މަށްރޫއުތަކުގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޮވުމުގައި މަސައްކަތުގެ ފެންވަރު ބެލުމުގެ މިންގަ ނޑުން އެވްރެޖް "ރަނގަޅު" ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބެމުންދާ މުވައްޒަފުން ހޮވުމާއި، ކުރިމަތިލާ މުވައްޒަފުންގެ ތައުލީމާއި ތަޖުރިބާ އަދި ކުރިން މިފަދަ މަށްރޫއުތަކުގައި މަސައްކަތް ކޮށްފައި ވާނަމަ އެކަމަށްވެސް ބެލުމަށްފަހު، މަށްރޫއުގެ މަސައްކަތަށް ހޮވަންވާނީ މިދެންނެވި ބައިތަކުން އެންމެ މަތީ މާކްސް ލިބޭ މުވައްޒަފެކެވެ.
219 ވަނަ މާއްދާ - ކޮމިޓީތަކާއި ބައްދަލުވުންތަކުގައި ބައިވެރި ކުރުވުން
މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތާ ގުޅިގެން އޮފީހުން ފޮނުވާ ބައްދަލުވުން، ކޮމިޓީ އަދި ޖަލްސާތަކުގައި ބައިވެރިވުން ނުވަތަ ލިބިފައިވާ ފަންނީ ހުނަރެއް އެހެން އޮފީހެއްގެ ބޭނުމަށް ހިއްސާ ކުރުމަށް އޮފީހުގެ މަސައްކަތަށް ދަތިނުވާނެ ގޮތުގެ މަތީން ރަސްމީ ގަޑީގައި ދޫކުރެވި ދާނެއެވެ.
220 ވަނަ މާއްދާ - މުވައްޒަފުން ކުރާ އެކިއެކި މަސައްކަތަށް އުޖޫރަދިނުން
ކޮމިޓީތަކާއި ބައްދަލުވުން ތަކުގައި ބައިވެރިވާ މުވައްޒަފުންނަށް އުޖޫރަ ލިބޭނީ އެ މީހަކު، އެ މީހެއްގެ އޮފީހުގައި ކުރަންޖެހޭ މަސައްކަތް ފުރިހަމަ ކުރުމާއެކު، އެ މީހަކާ ގުޅިގެން މަސައްކަތްކުރާ މީހުންގެ މަސައްކަތަށް ބުރޫނާރާނެ ގޮތަށް އިންތިޒާމު ކޮށްގެން ބައިވެރިވާ ބައްދަލުވުންތަކަށެވެ. މިގޮތުން ބައިވެރިވާ ބައްދަލުވުމަކީ ނުވަތަ ކުރާ މަސައްކަތަކީ އެ މީހާގެ ވަޒީފާ ބަޔާނުގައި ހިމެނޭ މަސައްކަތެއް ކަމުގައި ވެގެން ނުވާނެއެވެ. އަދި އެ މީހަކަށް މާލީ މަންފާއެއް ލިބިދިނުމުގެ ގޮތުން ވަޒީފާ ބަޔާން ބަދަލުކޮށްގެން ހަމަޖެއްސި މަސައްކަތެއް ކަމުގައިވެސް ވެގެން ނުވާނެއެވެ. މިފަދަ މަސައްކަތަކަށް އުޖޫރައެއް ދެވޭނީ ޕަރމަނަންޓް ސެކްރެޓަރީ އެފަދަ މަސައްކަތެއްގައި މުވައްޒަފު ބައިވެރިވުމުގެ ހުއްދަ ލިއުމަކުން ދީ އަދި އުޖޫރަ ދިނުމަށް ހުއްދަ ކުރުމުންނެވެ.
ޗެޕްޓަރ 23
މުވައްޒަފުން ވަޒީފާއިން ދޫކޮށްލުން
221 ވަނަ މާއްދާ - ތައާރަފު
ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން މުވައްޒަފެއް ދޫކޮށްލަން ޖެހިއްޖެނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން މުވައްޒަފެއް ދޫކޮށްލެވި ދާނެއެވެ. މިގޮތުގެ މަތީން ދޫކޮށްލަންޖެހޭ މުވައްޒަފުން ދޫކޮށްލެވޭނެ ހާލަތު ބަޔާންކޮށް އެ ހާލަތުގައި މުވައްޒަފެއް ވަޒީފާއިން ވަކިކޮށް ދޫކޮށްލާއިރު، ވަޒީފާއިން ވަކިކުރެވޭއިރު ދިނުމަށް ހަމަޖެހިފައިވާ އިނާޔަތް ދޭން ވާނެއެވެ.
222 ވަނަ މާއްދާ - ސިވިލް ސަރވިސްގެ ވަޒީފާއިން ދޫކޮށްލެވޭނެ މުވައްޒަފުން
(ހ) ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން ދޫކޮށްލުމަކީ، މި ގަވާއިދުގެ 223 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް ދިމާވެގެން، ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފެއް، ވަޒީފާއިން ވަކިކުރާ ކުރުމެވެ.
(ށ) ސިވިލް ސަރވިސްގެ ވަޒީފާއިން ދޫކޮށްލެވޭ މުވައްޒަފުންގެ ތެރޭގައި ތިރީގައިވާ މުވައްޒަފުން ނުހިމެނޭނެއެވެ. މިއިން މުވައްޒަފެއް ވަޒީފާއިން ވަކި ކުރަން ޖެހިއްޖެނަމަ، ވަޒީފާއިން ވަކިކުރާނީ އެ މުވައްޒަފަކާ ދެމެދު ހެދިފައިވާ އެއްބަސްވުމާ އެއްގޮތަށެވެ.
- ވަޒީފާގެ ޕްރޮބޭށަން މުއްދަތުގައި މަސައްކަތްކުރާ މުވައްޒަފުން
- ވަގުތީ މުވައްޒަފުން
- ދައުލަތުން މުސާރަ ދޭ ދައުލަތުގެ އެހެން ހިދްމަތަކަށް (ސިވިލް ސަރވިސްގެ އިދާރާއެއް ނޫން ދައުލަތުގެ އެހެން އިދާރާއަކަށް) އެ މީހެއްގެ މަސައްކަތް ބަދަލުވުމުގެ ސަބަބުން އެ ހިދްމަތަކަށް ބަދަލުވާ މީހުން.
223 ވަނަ މާއްދާ - ސިވިލް ސަރވިސްގެ މުވައްޒަފެއް ވަޒީފާއިން ދޫކޮށްލެވޭނެ ހާލަތްތައް
އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން މުވައްޒަފު ވަޒީފާއިން ދޫކޮށްލާއިރު ބަދަލުގައި އެކަށޭނަ އެހެން ވަޒީފާއެއް އެ އޮފީހަކުން ހޯދައި ދިނުމަށް އެ މުވައްޒަފުގެ ދާއިރާގެ ޒިންމާދާރު އިސްވެރިޔާ އެކަށީގެންވާ ފިޔަވަޅުއަޅައި، ވަޒީފާއެއް ހޯދައި ނުދެވިއްޖެނަމަ، އެ މުވައްޒަފެއް ސިވިލް ސަރވިސްގެ ވަޒީފާއިން ދޫކޮށްލެވޭނެއެވެ.
(ހ) ވަޒީފާ އުވިގެން މުވައްޒަފު ވަޒީފާއިން ދޫކޮށްލަންޖެހުން: އިދާރާއެއްގެ އޮނިގަނޑަށް ނުވަތަ މަސައްކަތަށް ބަދަލު ގެނައުމުގެ ސަބަބުން ނުވަތަ ކުރަމުން އައި މަސައްކަތެއް ހުއްޓާލުމުގެ ސަބަބުން ވަޒީފާއުވުން.
(ށ) ވަޒީފާ އަދާ ކުރާ އޮފީސް އުވިގެން މުވައްޒަފެއް ވަޒީފާއިން ދޫކޮށްލަންޖެހުން: ސަރުކާރުގެ ހިންގުމުގެ ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ސަބަބުން އެ އޮފީހުގެ ނުވަތަ އެ ބައެއްގެ ވަޒީފާތައް އުވުމުގެ ސަބަބުން އިދާރާއެއް ނުވަތަ އިދާރާގެ ބައެއް އުވާލުން.
(ނ) ބޭނުންވާ ވަރަށްވުރެ މުވައްޒަފުން ގިނަވެގެން މުވައްޒަފެއް ވަޒީފާއިން ދޫކޮށްލަންޖެހުން: ވަޒީފާތަކުގެ އެނަލިސިސް )ޖޮބް އެނަލިސިސް( އަށްފަހު މަގާމުތައް އަލުން ރުކުރުވާލުމުގެ ސަބަބުން ނުވަތަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ ވަޒީފާގައި ކުރަމުންދިޔަ މަސައްކަތް އެހެން ގޮތަކަށް ކުރުމަށް އިދާރާއަކުން ނިންމަވައި އެކަން ކޮމިށަނަށް ތަފުސީލާއެކު ހުށަހެޅުމުން، އޮފީހަށް ބޭނުންވާ ވަރަށްވުރެ އިތުރަށް މަގާމު ހުރިކަމަށް ފާހަގަ ކުރެވިގެން އެ މަގާމު އުވާލުން.
(ރ) މުވައްޒަފުގެ ގާބިލުކަން ނެތިގެން ވަޒީފާއިން ދޫކޮށްލަންޖެހުން: ވަޒީފާ އަދާ ކުރުމުގައި ގެންގުޅެންޖެހޭ ޓެކްނޮލޮޖީއާއި ގޮތްތައް ބަދަލުވެގެން ތަމްރީނުގެ ފުރުސަތު ދެވި، ނަމަވެސް އެ ފުރުސަތުގެ އެދެވޭ ނަތީޖާ ހާސިލު ނުކުރެވުން.
(ބ) ސަރުކާރު ހިންގުމަށް ގެނެވޭ ބަދަލެއްގެ ސަބަބުން ވަޒީފާ އަދާ ކުރާ އޮފީސް އެހެން ރަށަކަށް ނުވަތަ ތަނަކަށް ބަދަލު ކުރުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވާ މުވައްޒަފު ވަޒީފާއިން ދޫކޮށްލަން ޖެހުން: ސަރުކާރު ހިންގުމުގެ ނިޒާމަށް ގެނެވޭ ބަދަލެއްގެ ސަބަބުން އެ ބަދަލުކުރެވޭ ރަށަކަށް ނުވަތަ ތަނަކަށް ވަޒީފާ އަދާ ކުރުމަށް ދިއުމަށް މުވައްޒަފުއުޒުރުވެރިވުން.
(ޅ) އޮފީހެއް ނުވަތަ އޮފީހުން ބައެއް ޕްރައިވަޓައިޒް ކުރުމުން، އެ އޮފީހުގައި ނުވަތަ އެ ބައެއްގައި މަސައްކަތްކުރި މުވައްޒަފެއް ސިވިލް ސަރވިސްގެ ހިދުމަތުގައި ދެމިހުރުމަށް ބޭނުންވާ ނަމަ، އެފަދަ މުވައްޒަފެއް ސިވިލް ސަރވިސްގެ އެހެން ވަޒީފާއަކަށް ބަދަލުކުރެވެން ނެތިގެން ވަޒީފާއިން ދޫކޮށްލަންޖެހުން: ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުން ލިބިދޭ ބާރުގެ ދަށުން ސިވިލް ސަރވިސްގެ ހިދުމަތްދޭ އޮފީހެއް ނުވަތަ އޮފީހުން ބައެއް ޕްރައިވަޓައިޒް ކުރުމުން، ނުވަތަ ސިވިލް ސަރވިސްގެ މުވައްޒަފުން ނޫން މީހުން ހިމެނޭގޮތަށް އެ ހިދުމަތެއް ދެއްވުމަށް ސަރުކާރުން ނިންމެވުމުގެ ސަބަބުން، އެ އޮފީހުގައި ނުވަތަ އެ ބައެއްގައި މަސައްކަތްކުރި މުވައްޒަފެއް ސިވިލް ސަރވިސްގެ ހިދުމަތުގައި ދެމިހުރުމަށް ބޭނުން ނުވުން.
(ކ) މުވައްޒަފެއް އަދާ ކުރި ވަޒީފާގެ މަސައްކަތް އައުޓްސޯސް ކުރުމުގެ ގެ ސަބަބުން އެ މަގާމު އުވާލުން.
(އ) އޮފީހަކުން ކުރަމުން ދިޔަ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް އެހެން އޮފީހަކަށް ބަދަލުވާއިރު އިތުރުވާ މުވައްޒަފު ވަޒީފާއިން ދޫކޮށްލަން ޖެހުން: ސަރުކާރު ހިންގުމުގެ ނިޒާމަށް ގެންނަ ބަދަލެއްގެ ސަބަބުން އޮފީހަކުން ކުރަމުން ދިޔަ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް އެހެން އޮފީހަކަށް ބަދަލު ކުރުމުން، އެ މަސައްކަތް ބަދަލުވި އޮފީސަބަބުން މުވައްޒަފު ވަޒީފާއިން ދޫކޮށްލަން ޖެހުން: ސިވިލް ސަރވިސް މުވައްޒަފެއް އަދާ ކުރަމުންދިޔަ ވަޒީފާއެއް އައުޓްސޯސް ކުރުމުހަކަށް އެ މަސައްކަތްކުރި މުވައްޒަފުން ބަދަލު ކުރެވޭއިރު އިތުރުވުން.
224 ވަނަ މާއްދާ - ސިވިލް ސަރވިސްގެ ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް ދެވޭ އިނާޔަތް
ސިވިލް ސަރވިސްގެ ވަޒީފާއިން ދޫކޮށްލަންޖެހޭ ދާއިމީ މުވައްޒަފުންނަށް އިނާޔަތް ދިނުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.
(ހ) އުމުރުން 55 އަހަރު ވެފައިވާ މުވައްޒަފުންގެ ތެރެއިން ސިވިލް ސަރވިސްގެ ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް ދެވޭ އިނާޔަތް؛
(ށ) އުމުރުން 55 އަހަރު ނުވާ މުވައްޒަފުންގެ ތެރެއިން ސިވިލް ސަރވިސްގެ ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް ދެވޭ އިނާޔަތް.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ވަޒީފާއިން ދޫކޮށްލެވޭ މުވައްޒަފުންނަށް ދެވޭ އިނާޔަތް ޖަދުވަލު 16 ގައި އެވަނީއެވެ.
225 ވަނަ މާއްދާ - މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމުގައި އަމަލު ކުރަން ޖެހޭ ގޮތް
ދާއިރާއަކުން މުވައްޒަފުން ދޫކޮށްލަން ޖެހޭނަމަ ތިރީގައިމިވާ ކަންކަން ކަށަވަރު ކުރެއްވުމަށްފަހު އެކަމާގުޅޭ ލިޔެކިޔުންތަކާއެކު ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
(ހ) އޮފީހުގެ މަސައްކަތެއް ހުއްޓާލެވޭނަމަ، އެކަން އިއުލާނު ކުރުން އަދި އެ އިއުލާނުގައި އުވިގެންދާ މަގާމުތައް ބަޔާން ކުރުން.
(ށ) އޮފީހުގެ މުވައްޒަފުން މަދު ކުރަން ޖެހިއްޖެ ހާލަތެއްގައި މަގާމުތަކުގެ އެނަލިސިސްއެއް ހަދައި އެ އެނަލިސިސްގެ ނަތީޖާ އިއުލާނުކޮށް މަދު ކުރަންޖެހޭ މަގާމުތައް ބަޔާންކޮށް، އަމިއްލައަށް އެދިގެން ވަކިވާން ބޭނުންވާ މުވައްޒަފުން އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައި އެކަން އިއުލާން ކުރުން.
(ނ) ވަޒީފާ އަދާ ކުރުމުގައި ގެންގުޅެންޖެހޭ ޓެކްނޮލޮޖީއާއި ގޮތްތައް ބަދަލުވެގެން ތަމްރީނުގެ ފުރުސަތުދެވުމުން އެ ފުރުސަތުގެ ބޭނުން މުވައްޒަފު ނުހިފިނަމަ ނުވަތަ ދެވުނު ތަމްރީނާ ގުޅިގެން އިތުރު ކުރިއެރުމެއް މުވައްޒަފަށް ލިބިފައި ނުވާތީ ވަޒީފާއިން ދޫކޮށްލަންޖެހޭނަމަ، އެ ވަޒީފާއެއް އަދާ ކުރުމަށް މުވައްޒަފުގެ ކިބައިން އުނިވަނީ ކޮން ކަމެއްކަން ބަޔާންކޮށް އަންގައި، ވަޒީފާއިން ދޫކޮށްލާނެކަން މުވައްޒަފަށް އެންގުން.
(ރ) ވަޒީފާއިން ދޫކޮށްލެވޭ މުވައްޒަފެއް ހުރި އޮނިގަނޑުގެ އެ ފެންވަރުގެ މަގާމެއްގައި ބިދޭސީއަކު ނުވަތަ ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހަކު ނުވަތަ ވަގުތީ މުވައްޒަފެއް އެ ދާއިރާގެ ދާއިމީ މަގާމެއްގައި ހުރިނަމަ، އެ ފަރާތަކާއެކު ކުރެވިފައިވާ ވަޒީފާގެ އެއްބަސްވުން ނިމުމަކަށްގެނެސް، ވަޒީފާއިން ދޫކޮށްލަން ޖެހުނު މުވައްޒަފަށް އެ ވަޒީފާއެއް ހަމަޖައްސައި ދިނުން.
(ބ) އޮފީހަކުން ކުރަމުން ދިޔަ މަސައްކަތެއް ނުވަތަ މަސައްކަތުން ބައެއް އެހެން އޮފީހަކަށް ބަދަލުކޮށްފިނަމަ، ވަޒީފާއާބެހޭ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އެ ބަދަލުކުރެވުނު މަސައްކަތެއް ކުރަމުންދިޔަ ހުރިހައި މުވައްޒަފުން އެ އޮފީހަކަށް ބަދަލު ކުރުން. މި ހާލަތުގައި އެ ބަދަލުކުރެވޭ އިދާރާއެއްގެ މަސައްކަތް ރޭވިފައިވާ ގޮތާއި މުވައްޒަފުން ތިބި މިންވަރުން ކުރަންޖެހޭ މަސައްކަތާ އަޅާބަލާއިރު ބަދަލުވާ މުވައްޒަފުން އިތުރުވާނަމަ، މިގޮތުން އިތުރުވާ މުވައްޒަފުން ވަޒީފާއިން ދޫކޮށްލުން. ނަމަވެސް މިގޮތަށް މުވައްޒަފުން އިތުރުވެ ބައެއް މުވައްޒަފުން ދޫކޮށްލަންޖެހޭނަމަ، އެ އިދާރާއެއްގެ މަސައްކަތަށް ބަދަލުކުރެވޭ މުވައްޒަފުން، އެ ވަޒީފާއެއް އަދާ ކުރި މުވައްޒަފުންގެ ތެރެއިން "މެރިޓް" އުސޫލުން ކަނޑައެޅުން.
(ޅ) އޮފީހަކުން ކުރަމުންދިޔަ މަސައްކަތެއް ޕްރައިވަޓައިޒް ކުރުމުން، ސިވިލް ސަރވިސްގެ ހިދުމަތުގައި ދެމިތިބުމަށް ބޭނުންވާ މުވައްޒަފުންނަށް އެ ދާއިރާއަކުން އެ މުވައްޒަފު އަދާ ކުރި ފެންވަރުގެ މަގާމެއް ހުސްކޮށް އޮތްނަމަ، އެ މަގާމަކަށް ބަދަލުވުމުގެ ފުރުސަތު ދިނުން.
(ކ) އިދާރާއެއް ހިންގުން އެހެން ރަށަކަށް ނުވަތަ ތަނަކަށް ސަރުކާރުން ބަދަލު ކުރުމުން، އެ އިދާރާއެއް ހިންގާ ރަށަކަށް ނުވަތަ ތަނަކަށް ދިއުމަށް އުޒުރުވެރިވާ މުވައްޒަފުން، އެ ރަށަކަށް ނުވަތަ އެ ތަނަކަށް ވަޒީފާ އަދާ ކުރުމަށް ނުދެވޭނަމަ، ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިކުރެވޭނެކަން އެންގުމާއެކު، އެ ދާއިރާއަކުން އެ މުވައްޒަފު އަދާ ކުރި ފެންވަރުގެ މަގާމެއް ހުސްކޮށް އޮތްނަމަ، އެ މަގާމަކަށް ބަދަލުވުމުގެ ފުރުސަތު ދިނުން. ނަމަވެސް މިގޮތުން ހުސްވަޒީފާއެއް ނެތުމުގެ ސަބަބުން ބަދަލުވުމުގެ ފުރުސަތު ނުދެވޭ މުވައްޒަފުން، ވަޒީފާއަށް ދިއުމަށް އުޒުރުވެރިވާ ކަމުގެ ލިޔުމާއެކު ވަޒީފާއިން ދޫކޮށްލުމަށްޓަކައި ކޮމިށަނަށް ހުށަހެޅުން.
ޗެޕްޓަރ 24
ވަޒީފާއިން މުސްކުޅި ކުރުން
226 ވަނަ މާއްދާ - ތައާރަފު
ދިވެހި ސިވިލް ސަރވިސްގައި ވަޒީފާ އަދާ ކުރާ މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 49 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މުސްކުޅި ކުރަން ޖެހެއެވެ. މިގޮތުން އުމުރުން 65 އަހަރު ވުމުން ސިވިލް ސަރވިސްގެ މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅި ކުރެވޭނެއެވެ. އަދި 55 އަހަރުވުމުން ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން މުސްކުޅި ކުރުމަށް ހިތްވަރުދީ ވަޒީފާއިން މުސްކުޅި ކުރެވި ދާނެއެވެ. މި ދެ ގޮތުންކުރެ ގޮތަކުން މުސްކުޅި ކުރެވިއްޖެނަމަ، މި ގަވާއިދުގެ އަންނަނިވި މާއްދާތަކުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ވަޒީފާއިން ވަކިކޮށް މުސްކުޅި ކުރުމުގެ އިނާޔަތް ލިބިދެވޭނެއެވެ.
227 ވަނަ މާއްދާ - 65 އަހަރު ވުމުން ވަޒީފާއިން މުސްކުޅި ކުރުން
(ހ) ސިވިލް ސަރވިސްގެ މުވައްޒަފެއްގެ އުމުރުން 65 އަހަރުވުމުން ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވޭނެއެވެ.
(ށ) އުމުރުން 65 އަހަރުވުމުން ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭ މުވައްޒަފުންނަށް ދެވޭ މުސްކުޅި ކުރުމުގެ އިނާޔަތް މި ގަވާއިދުގެ ޖަދުވަލު 17 ގައިވާ ގޮތުގެ މަތީން ލިބިދެވޭނެއެވެ.
228 ވަނަ މާއްދާ - 55 އަހަރު ވުމުން އަމިއްލައަށް އެދިގެން މުސްކުޅިކޮށް ވަކިކުރުން
(ހ) ސިވިލް ސަރވިސްގެ މުވައްޒަފެއްގެ އުމުރުން 55 އަހަރުވުމަށްފަހު، އަމިއްލައަށް ބޭނުންވެގެން ވަޒީފާއިން މުސްކުޅިވުމަށް އެދޭނަމަ، މުވައްޒަފު މަސައްކަތްކުރާ ދާއިރާގެ މަސްއޫލު އޮފީސް މެދުވެރިކޮށް ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
(ށ) ސިވިލް ސަރިވިސްގެ މުވައްޒަފެއްގެ އުމުރުން 55 އަހަރުވެގެން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭއިރު، ސިވިލް ސަރވިސްގައި ހިދުމަތް ކުރުމަށް ބޮންޑެއް އޮތްނަމަ އެކަމަށް ރިއާޔަތް ކުރުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ނ) އުމުރުން 55 އަހަރުވުމުން، މުވައްޒަފު އަމިއްލައަށް އެދިގެން ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭ މުވައްޒަފުންނަށް ދެވޭ މުސްކުޅި ކުރުމުގެ އިނާޔަތް މި ގަވާއިދުގެ ޖަދުވަލު 18 ގައި ވާނެއެވެ.
229 ވަނަ މާއްދާ - 55 އަހަރު ވުމުން ކޮމިށަނަށް ލިބިދޭ އިހުތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުން
(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ، އުމުރުން 55 އަހަރު ވެފައިވާ މުވައްޒަފެއް މުސްކުޅި ކުރުމަށް ކަމާބެހޭ ލިޔުންތަކާއި އަދި އެ އިދާރާއެއްގެ އެޗް.އާރު.އެމް.ޑީ ކޮމިޓީގައި މަށްވަރާކޮށް، އެ މަށްވަރާގައި ނިންމި ގޮތެއް ލިޔުމުން ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
- މުވައްޒަފުގެ މަސައްކަތުގެ ފެންވަރު އެކަށީގެންވާ މިންވަރަށްވުރެ ދަށްވުން.
- މުވައްޒަފުގެ ބަލިހާލަތު ހުރިގޮތުން ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން، ވަޒީފާ އަދާ ކުރުމަށް ނުކުޅެދިގެން ސިއްހީ ވުޒާރާގައި ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު އެކަން ބަޔާންކޮށް ލިޔުމެއް ދޫކުރުން.
- ސަރުކާރުގެ އޮނިގަނޑަށް ގެނެވޭ ބަދަލެއް ނުވަތަ އޮފީހުގެ ހިންގުމަށް ގެނެވޭ ބަދަލެއްގެ ސަބަބުން މަސައްކަތް އުނިވެ، މަސައްކަތް ކުރަން ތިބި މުވައްޒަފުން އިތުރުވެ، އިތުރުވާ މުވައްޒަފުންގެ ތެރޭގައި އުމުރުން 55 އަހަރުވެފައިވާ މުވައްޒަފެއް ހުރުން.
- މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ކުރުމަށް ބޭނުންވާ ތަމްރީނެއް ނުވަތަ ހުނަރެއް ލިބިފައި ނެތުމުގެ ސަބަބުން، ވަޒީފާ އަދާނުކުރެވޭނަމަ އެ ތަމްރީނެއް ނުވަތަ ހުނަރެއް ލިބިގަތުމުގެ ފުރުސަތު އެ އޮފީހަކުން ތަނަވަސްކޮށް ދިނުމަށްފަހު، މުވައްޒަފު އެ ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ ނުވަތަ ދެވުނު ފުރުސަތާ ގުޅިގެން ބޭނުންވާ މައުލޫމާތު ނުވަތަ ހުނަރު މުވައްޒަފަށް ލިބިފައި ނުވުން.
- އެ އިދާރާއެއްގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ނުވަތަ އޮފީހުގެ ހިންގުމަށް އެދެވޭ ބަދަލެއް ގެނެވި ދާނެކަމަށް ނުވަތަ ތަނުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މުވައްޒަފު ވަޒީފާއިން މުސްކުޅި ކުރަން އެ އިދާރާއަކުން ބޭނުންވުން.
(ށ) ސިވިލް ސަރވިސްގެ އިދާރާއެއްގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ނުވަތަ އޮފީހުގެ ހިންގުމަށް އެދެވޭ ބަދަލެއް ގެނެވި ދާނެކަމަށް ނުވަތަ ތަނުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އުމުރުން 55އަހަރުވެފައިވާ މުވައްޒަފަކަށް ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކޮމިށަނަށް ލިބިފައިވާ އިހުތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅި ކުރެވި ދާނެއެވެ.
(ނ) އުމުރުން 55 އަހަރު ވުމުން، ކޮމިށަނަށް ލިބިދޭ އިހުތިޔާރުގެ ދަށުން، ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭ މުވައްޒަފުންނަށް ދެވޭ މުސްކުޅި ކުރުމުގެ އިނާޔަތް މި ގަވާއިދުގެ ޖަދުވަލު 18 ގައި ވާނެއެވެ.
230 ވަނަ މާއްދާ - ޕެންށަން
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޕެންށަން ދެވޭނީ ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 8/2009) އާއި، އެ ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.
ޗެޕްޓަރ 25
ތަމްރީނު ކުރުމާއި ބޮންޑު ކުރުން
231 ވަނަ މާއްދާ - ތައާރަފު
(ހ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ދ) އަދި (ތ) ގައި، ދިވެހި ސިވިލް ސަރވިސްއަކީ ކެރިއަރ ބޭސްޑް ނުވަތަ ވަޒީފާގައި ކުރިޔަށް ދިއުމަށް މަގުފަހިކޮށްދޭ ހިދުމަތެއްގެ ގޮތުގައި ބައްޓަން ކުރުމާއި، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރޭގައި އިސްނެގުމާއި ލީޑަރށިޕް ކުރިއަރުވައި، މުވައްޒަފުންގެ ފެންވަރު މަތި ކުރުމަށް ބޭނުންވާ ތަމްރީނު ހޯދައި ދިނުމާއި، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ މަސައްކަތަށް ގާބިލު ބަޔަކަށް ހެދުމަށް ބާރުއަޅައި ހިތްވަރުދިނުމަކީ ކޮމިށަނުގެ މަސައްކަތެއް ކަމުގައި ބަޔާންކުރެވިފައި ވެއެވެ. މިގޮތުން ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ހިދުމަތް ކުރުމަށް މި ގަވާއިދުގައިވާ ގޮތުގެ މަތީން އެއްބަސްވެވިގެން ތަމްރީނުކުރެވޭ ފަރާތްތައް، ތަމްރީނަށް ފޮނުވުމާއި ތަމްރީނަށް ފަހު ހިދުމަތް ލިބިގަތުމުގައި އަމަލު ކުރާނީ މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.
(ށ) މި ޗެޕްޓަރުގައި "ތަމްރީނު" ކަމުގައި ބަޔާން ކޮށްފައި އެވަނީ، ކޯސްތަކާއި، ސެމިނަރ އަދި ވަރކްށޮޕާއި، ސްޓަޑީ ޓްއަރ ފަދަ ކަންކަމަށެވެ.
(ނ) މި ޗެޕްޓަރުގެ ދަށުން ތަމްރީނު ކުރުމަށް މުވައްޒަފުން ހޮވުން އަދި ތަމްރީނަށްފަހު ހިދުމަތް ކުރުން ފަދަ އެންމެހައި ކަންކަން ބަލަހައްޓައި އިންތިޒާމު ކުރާނީ އެޗް.އާރު.އެމް.ޑީ ކޮމިޓީގެ މަށްވަރާގެ މަތީން އެ އިދާރާއަކުންނެވެ.
232 ވަނަ މާއްދާ - މުވައްޒަފުން ތަމްރީން ކުރެވޭނެ ގޮތްތައް
(ހ) ތިރީގައިވާ ތަމްރީނު ދިނުމުގެ ގޮތްތަކަކީ މުވައްޒަފުންނަށް ތަމްރީނު ދިނުމަށް ބޭނުންކުރެވޭނެ ގޮތްތަކެވެ. އަދި މުވައްޒަފުންނަށް ތަމްރީނު ދިނުމުގައި އެ ފަހަރަކު ބޭނުން ކުރާނެ ގޮތެއް ކަނޑައަޅާނީ، ތަމްރީނު ދޭންޖެހިފައިވާ މުވައްޒަފުންގެ އަދަދަށާއި، ބޭނުންވާ ތަމްރީނުގެ ބާވަތަށާއި، އެކަމަށް ކުރަންޖެހޭ ހަރަދަށް ބަލައިގެން އެ އޮފީހަކުންނެވެ.
- މަސައްކަތަށް ބޭނުންވާ ހުނަރުވެރިކަމާއި ކުޅަދާނަކަން ލިބިފައިވާ މީހުން މެދުވެރިކޮށްގެން ވަޒީފާއަދާ ކުރުމުގެ ތެރޭގައި މަސައްކަތަށް ބޭނުންވާ މައުލޫމާތާއި ހުނަރު ދަސް ކޮށްދިނުން.
- ވަކި ދާއިރާތަކަށް ހާއްސަކޮށްގެން ހިންގޭ މައުލޫމާތު ދިނުމުގެ ކޯސްތަކާއި، ސެމިނަރ އަދި ވަރކްށޮޕާއި، ސްޓަޑީ ޓްއަރ ފަދަ ތަމްރީނު ޕްރޮގްރާމުތަކުގައި މުވައްޒަފުން ބައިވެރިކޮށްގެން މުވައްޒަފުންގެ ހުނަރު މަތި ކުރުން.
- ވަކި ފަންނުތަކުން މީހުން ބިނާ ކުރުމަށް ބޭނުންވާ ސެޓުފިކެޓު ލެވެލް 1 (އެކެއް) ން ފެށިގެން މަތީގެ ފެންވަރުގެ ކޯސްތައް މެދުވެރިކޮށް ދާއިރާގެ އެކި ފަންނުތަކަށް ބޭނުންވާ މީހުން ބިނާ ކުރުން.
(ށ) ބޭނުންވާ ތަމްރީނު ރާއްޖެއިން ދެވެން ހުރިނަމަ އެފަދަ ތަމްރީނު ދޭނީ ރާއްޖެއިންނެވެ. ރާއްޖެއިން ބޭރަށް ތަމްރީނު ދިނުމަށް ފޮނުވާނީ އެކަމަށް ރާއްޖޭގައި ތަމްރީނު ދެވެންނެތްނަމަ ނުވަތަ އެ ރޮނގަކުން ތަމްރީނުދޭން ބޭނުންވާ ފެންވަރަށް ރާއްޖޭގައި ތަމްރީނު ދެވެން ނެތްނަމައެވެ.
233 ވަނަ މާއްދާ - އޮފީހަށް ބޭނުންވާ ތަމްރީނުތައް ދެނެގަތުން
(ހ) މަސްއޫލު އޮފީސްތަކުން އެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ މުވައްޒަފުން ތަމްރީނު ކުރުމަށް ބޭނުންވާ ޕްލޭނެއް ކުރިއަށް އެކުލަވައިލަން ވާނެއެވެ. މި ޕްލޭން ވާންވާނީ، ދާއިރާގެ ކުރު ރާސްތާ އަދި ދުރު ރާސްތާ މަގު ޗާޓުގައިވާ މަސައްކަތްތައް ފުރިހަމަ ގޮތުގައި ހާސިލު ކުރަން ބޭނުންވާނެ ތަމްރީނުތަކެއް މުވައްޒަފުންނަށް ހޯދުމަށް މަގުފަހި ކޮށްދޭނެ ޕްލޭނަކަށެވެ.
(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެކަށައަޅާ، މުވައްޒަފުން ތަމްރީނު ކުރުމަށް ބޭނުންވާ ޕްލޭން (ޓްރައިނިންގ ރިކުއަރމަންޓް) އަށް ދާނޭ ހަރަދު ކުރިއަށް އޮތް މާލީ އައު އަހަރުގެ ބަޖެޓްގައި ހިމަނަން ވާނެއެވެ.
(ނ) ފާސްވާ ބަޖެޓުން މުވައްޒަފުންގެ ތަމްރީނަށް ލިބިފައިވާ ހަރަދަށް ރިއާޔަތްކޮށް އެ ޕްލޭން (ޓްރައިނިންގ ރިކުއަރމަންޓް) އިތުރަށް މުރާޖާ ކުރަންޖެހޭނަމަ އެކަން ކުރުމަށްފަހު، އޭގައިވާ ތަމްރީނުތަކަށް ކުރިމަތިލުމަށް ފުރުސަތު މުވައްޒަފުންގެ މެދުގައި މި ގަވާއިދުގައިވާ ގޮތުގެ މަތީން ހުޅުވާލަން ވާނެއެވެ.
234 ވަނަ މާއްދާ - ކޯސްތަކަށާއި ތަމްރީނު ޕްރޮގްރާމްތަކަށް މުވައްޒަފުން ހޮވުން
(ހ) މި ގަވާއިދުގެ 233 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އޮފީހަށް ބޭނުންވާ މުވައްޒަފުން ބިނާ ކުރުމަށް، ކޯސްތަކަށް މުވައްޒަފުން ހޮވުމުގައި އަމަލު ކުރާނީ، އަންނަނިވި ގޮތުގެ މަތީންނެވެ.
- ކޯސްތަކަށް ކުރިމަތިލުމަށް ދާއިރާ ނުވަތަ އެ އޮފީހެއްގެ މުވައްޒަފުންނަށްއެ މުވައްޒަފުންގެ މެދުގައި އިއުލާނުކޮށް ފުރުސަތު ހުޅުވައިލުން.
- އިއުލާނަށް ކުރިމަތިލާ މުވައްޒަފުންގެ ތައުލީމީ ފެންވަރަށާއި، މުވައްޒަފު އެހާތަނަށް ސިވިލް ސަރވިސްގައި ވަޒީފާ އަދާ ކޮށްފައިވާ ގޮތާއި، މުއްދަތަށާއި، އެ ކޯހަކަށް ކަނޑައެޅިފައިވާ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި އަދިއެ މީހެއްގެ މަސައްކަތުގެ އަހުލާގަށް ބެލުން.
- ތަމްރީން ޕްރޮގްރާމާ ގުޅޭ ސިވިލް ސަރވިސްގެ ވަޒީފާގައި 1 (އެކެއް) އަހަރު ވެފައިވުން. މި ނަންބަރުގައި އެހެން އޮތް ނަމަވެސް މި މާއްދާގެ 2 ވަނަ ނަންބަރުގައިވާ ކަންކަމަށް ބަލައި، އެންމެ ގިނަ ޕޮއިންޓް ލިބޭ މުވައްޒަފަށްއެ ތަމްރީނުގެ ފުރުސަތު ދިނުމަކަށް މި ނަންބަރު ހުރަހެއް ނާޅައެވެ.
- ވަޒީފާ އަދާ ކުރުމުގައި ވޭތުވެ ދިޔަ 2 (ދޭއް) އަހަރުގެ ތެރޭގައި އިސްލާހީ ފިޔަވަޅެއްގެ ގޮތުން ލިޔުމުން އިންޒާރު ދެވިފައިވާ މުވައްޒަފެއް ކަމުގައި ނުވުން.
(ށ) ޓްރޭނިންގ، ސެމިނަރ، ވާރކްށޮޕް، ސްޓަޑީޓުއަރ ފަދަ ކަންކަމުގައި މުވައްޒަފުން ބައިވެރި ކުރުވުމުގައި، ތިރީގައި މިދަންނަވާ ކަންތައްތަކުގެ މައްޗަށް ބެލުމަށްފަހު، އެޗް.އާރު.އެމް.ޑީ ކޮމިޓީން ކަނޑައަޅާ މުވައްޒަފެއް ހަމަޖެއްސި ދާނެއެވެ.
- އެތަމްރީނަކީ، އޮފީހުގެ މަސައްކަތް ކުރިއަރުވައި ތަރައްގީ ކުރުމަށްޓަކައި އޮފީހަށް ބޭނުންވާ ތަމްރީނެއް ކަމުގައި ވުން.
- ތަމްރީނު ކުރަން ފޮނުވާ މީހަކީ، އެ ތަމްރީނެއް ފުރިހަމަ ކުރުމަށް ބޭނުންވާ ގާބިލުކަން ހުރި މުވައްޒަފެއް ކަމުގައި ވުން.
- ކުރިން ތަމްރީނަކަށް ފޮނުވިފައިވާ މީހަކުނަމަ، އެ މީހަކު ތަމްރީނުކުރެވޭ ދާއިރާއިން އޮފީހުގެ މަސައްކަތުގައި ހިއްސާ ކޮށްފައިވާ މިންވަރަށް ރިއާޔަތް ކުރުން.
235 ވަނަ މާއްދާ - ތަމްރީނުތަކަށް ކުރާ ހަރަދު
(ހ) ރާއްޖެއިން ބޭރުގައި ހިންގޭ ތަމްރީނުތަކުގައި މުވައްޒަފުން ބައިވެރި ކުރާނަމަ، އެ މުވައްޒަފު ބައިވެރި ކުރުމާ ގުޅޭ ގޮތުން ރާއްޖޭގައި ކުރަންޖެހޭ ހަރަދުތައް، އޮފީހުގެ ބަޖެޓުން ކުރެވެން ވާނެއެވެ. އަދި އޮފީހުގެ ބަޖެޓުން ހަރަދުކުރެވެން ނެތްނަމަ، އެ ހަރަދުތައްއެ މުވައްޒަފެއް ކުރުމަށް އެއްބަސްވާނަމަ، އެ ގޮތަށް އެކަން ހަމަޖެއްސި ދާނެއެވެ.
(ށ) ރާއްޖެއިންބޭރުގައި ހިންގޭ ތަމްރީނުތަކުގައި ބައިވެރި ކުރުމާ ގުޅޭ ގޮތުން ރާއްޖޭގައި ކުރަންޖެހޭ ހަރަދުތައް (ދަތުރަށް ތައްޔާރު ވާން އޮފީހުން ދޭންޖެހޭ ފައިސާ، އެއަރޕޯޓަށް ދިއުމުގެ ހަރަދު، ދަތުރުމަތީގެ ޕޮކެޓްމަނީ ފަދަ ހަރަދުތައް) ފިޔަވައި އެހެން ހުރިހައި ހަރަދުތަކެއް ތަމްރީނު ކުރުމަށް އެހީދޭ ފަރާތުން ލިބޭގޮތަށް ހަމަޖެހިފައިވާނަމަ، އެފަދަ ހަރަދެއް ކުރަންވާނީ އެ އެހީދޭ ފަރާތަކުންނެވެ.
(ނ) ކުރު މުއްދަތުގެ ކޯސް، ޓްރެއިނިންގ، ސެމިނަރ، ވަރކްށޮޕް، ސްޓަޑީޓުއަރ ފަދަ އެކިއެކި ފަރާތްތަކުގެ އެހީއިން ހުރިހައި ހަރަދެއް ލިބޭގޮތަށް ހަމަޖެހިފައިނުވާ ޕްރޮގުރާމެއްގައި މުވައްޒަފެއް ބައިވެރި ކުރަން ކޮންމެހެން ބޭނުންވެއްޖެނަމަ އެކަން ކުރާނީ އެ އޮފީހަކަށް ކަނޑައެޅިފައިވާ ބަޖެޓުން އެކަމަށް ހަރަދުކުރެވެން ހުރި ނަމައެވެ. ނުވަތަ އެ އޮފީހަކުން ހަރަދުކުރެވެން ނެތްނަމަ އެ މުވައްޒަފެއް އަމިއްލައަށް ހަރަދުކުރާގޮތަށް ހަމަޖެއްސި ދާނެއެވެ.
236 ވަނަ މާއްދާ - ތަމްރީނަށް ފޮނުވާ މީހުން އިގްރާރު ކުރުން
މުވައްޒަފުން ތަމްރީނު ކުރަންވާނީ، ދިވެހި ސިވިލް ސަރވިސްއަށް ހިދުމަތް ކުރުމަށް ނުވަތައެ މުވައްޒަފު ތަމްރީނު ކުރުމަށް ހަރަދުކުރި އޮފީހަކަށް ހިދުމަތް ކުރުމަށް، ނުވަތަ އެ ތަމްރީނު ޕްރޮގްރާމެއް ކަނޑައެޅިފައިވާ އޮފީހަކަށް ހިދުމަތް ކުރުމަށް ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުން އޮންނަންވީ ގޮތުގެ ނަމޫނާއެއް ޖަދުވަލު 19 ގައި އެވަނީއެވެ.
237 ވަނަ މާއްދާ - ކިޔެވުމަށްޓަކައި މުސާރައާއި އެލަވަންސް / މުސާރައާ އެއްވަރުގެ އެލަވަންސް ލިބޭގޮތަށް ވީއްލުން
ކިޔެވުމަށްޓަކައި މި މާއްދާގެ (ހ) ނުވަތަ (ށ) ގައިވާ ގޮތުގެ މަތީން މުވައްޒަފުން ވީއްލި ދާނެއެވެ.
(ހ) ތަމްރީނަކީ، މި ގަވާއިދުގެ 233 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އޮފީހުގެ މުވައްޒަފުން ތަމްރީނު ކުރުމަށް އެކަށައަޅާ ތަމްރީން ޕްލޭނުގައި ހިމެނިފައިވާ ތަމްރީނަކަށްވެފައި،އެ ތަމްރީނަކީ 1 (އެކެއް) އަހަރު ދުވަހުގެ ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގެ ތަމްރީނެއް ކަމުގައިވުން. މިގޮތުން އެތަމްރީނަކަށް މުވައްޒަފު ވީއްލުމުގައި ތިރީގައި މިވާ ކަންކަން އެ އިދާރާއަކުން ފުރިހަމަ ކުރަން ވާނެއެވެ.
- މި ގޮތަށް މުވައްޒަފު ތަމްރީނަށް ދޫ ކޮށްފައި ހުންނަ ދުވަސްތަކަށް ގަވާއިދުންއެ މުވައްޒަފެއްގެ މަގާމަށް ކަނޑައަޅައިފައިވާ މުސާރައާއި ސަރވިސް އެލަވަންސް ދޭން ވާނެއެވެ.
- މިގޮތަށް ވީއްލާ މުވައްޒަފުން ވަޒީފާއިން ވަކިކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް މުވައްޒަފު ތަމްރީނަށް ދޫކުރި މުއްދަތުން ފެށިގެން އެނބުރިއައިސް ވަޒީފާއަށް ނުކުންނަ ދުވަހާ ދެމެދުގައިވާ ދުވަސްތައް ހިދުމަތްކުރި މުއްދަތެއްކަމުގައެއް ނުގުނޭނެއެވެ.
- މިގޮތަށް ވީއްލޭ މުވައްޒަފުންގެ ބަދަލު އިންތިޒާމު އެ އޮފީހަކުން ހަމަޖައްސަން ވާނެއެވެ.
(ށ) ތަމްރީނަކީ، އެ މުވައްޒަފު އަދާ ކުރާ މަގާމާގުޅޭ ނުވަތަ މި ގަވާއިދުގެ 233 ވަނަ މާއްދާގައި ވާގޮތުގެ މަތީން އޮފީހުގެ މުވައްޒަފުން ތަމްރީނު ކުރުމަށް އެކަށައަޅާ ތަމްރީން ޕްލޭނުގައި ހިމެނިފައިވާ ތަމްރީނަކަށް ވާނަމަ، ތަމްރީނުގެ މުއްދަތަށް ތިރީގައި މިވާ ގޮތުގެ މަތީން ވީއްލި ދާނެއެވެ.
- މިގޮތަށް ވީއްލާފައިވާ މުވައްޒަފުންނަށް އެ މުވައްޒަފުގެ މަގާމުގެ މުސާރައާ އެއްވަރުގެ އެލަވަންސްއެއް ލިބިދެވޭނެއެވެ.
- މިގޮތަށް ވީއްލޭ މުވައްޒަފުން ވަގުތީ ގޮތުން ވަޒީފާއިން ވަކިކުރެވޭނެއެވެ.
238 ވަނަ މާއްދާ - ކިޔެވުމަށްޓަކައި މުސާރަ ނުލިބޭގޮތަށް ވީއްލުން
މުވައްޒަފު އަދާ ކުރާ މަގާމާގުޅޭ ނުވަތަ މި ގަވާއިދުގެ 233 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އޮފީހުގެ މުވައްޒަފުން ތަމްރީނު ކުރުމަށް އެކަށައަޅާ ތަމްރީނު ޕްލޭނުގައި ހިމެނިފައިވާ ތަމްރީނުތަކަށް މުސާރަ ނުލިބޭގޮތަށް ތިރީގައިމިވާ ގޮތުގެ މަތީން ވީއްލި ދާނެއެވެ.
(ހ) އަމިއްލަގޮތުން ކިޔެވުމަށްޓަކައި މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލޭނީ ތަމްރީނުގެ މުއްދަތަށެވެ. މި މުއްދަތުގައި މި ގަވާއިދުގައިވާ ގޮތުގެ މަތީން މުވައްޒަފުގެ މަގާމު ރިޒަރވް ކުރަން ވާނެއެވެ.
(ށ) ރާއްޖެއިން ބޭރުން ކިޔެވުމަށް މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލުމުގައި، އެ މީހަކު ކިޔަވަންދާ މަރުކަޒަކަށް ދިއުމަށާއި، އެ ތަނަކުން އެނބުރި އައުމަށް، ތަމްރީނުގެ މުއްދަތުގެ އިތުރަށް 1 (އެކެއް) މަސްދުވަސް ދެވި ދާނެއެވެ.
(ނ) ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ތަމްރީނެއް ފުރިހަމަ ކުރުމާ ގުޅިގެން އެ ކޯހަށް ހިނގި ހަރަދު ނުވަތަ ހަރަދުގެ ބައެއް ދައްކަންޖެހޭ މުވައްޒަފުން މި މާއްދާގައިވާ ގޮތުގެ މަތީން މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، އެ މީހަކު ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ޒިންމާވާނެ ފަރާތެއް (ފައިސާ ދެއްކުމުގެ މާލީ ގާބިލުކަންހުރި ފަރާތެއް) އެ ފަރާތުން އެކަން ގަބޫލުކުރި ކަމުގެ ލިޔުމާއެކު، އެ އޮފީހަކަށް ދެއްކުމުންނެވެ. ނުވަތަ އެފައިސާ އެއްފަހަރާ ދެއްކުމުންނެވެ.
239 ވަނަ މާއްދާ - ވަޒީފާގައި ދެމިތިބެ ކިޔެވުމާއި ކިޔެވުމަށް ދޫކުރުން
މުވައްޒަފު އަދާ ކުރާ މަގާމާގުޅޭ ނުވަތަ މި ގަވާއިދުގެ 233 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އޮފީހުގެ މުވައްޒަފުން ތަމްރީނު ކުރުމަށް އެކަށައަޅާ ތަމްރީން ޕްލޭނުގައި ހިމެނިފައިވާ ތަމްރީނުތަކަށް ވަޒީފާގައި ދެމިތިބެ ތިރީގައިވާ ގޮތުގެ މަތީން ދޫކުރެވި ދާނެއެވެ.
(ހ) ސަރުކާރު ގަބޫލުކުރާ މަރުކަޒަކުން ރާއްޖޭގައި ހިންގާ 1 (އެކެއް) އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގެ ތަމްރީނެއްގައި، އޮފީހުގެ މަސައްކަތަށް ދަތިނުވާނޭ ގޮތުގެ މަތީން އޮފީހުން ހަރަދުކޮށްގެން އޮފީހުގައި ވަޒީފާ އަދާ ކުރަމުން މުވައްޒަފެއް އެ ތަމްރީނަކަށް ދޫކުރެވި ދާނެއެވެ. އަދި މިގޮތަށް މުވައްޒަފުން ދޫ ކުރުމުގައި މި ގަވާއިދުގެ 233 ވަނަ މާއްދާއަށް ރިއާޔަތް ކުރަން ވާނެއެވެ.
(ށ) ވަޒީފާގައި ދެމިތިބެ ދުރުންދޭ ތައުލީމުގައި ބައިވެރިވާ ފަރާތްތަކަށް އެ މުވައްޒަފުން ބައިވެރި ވާންޖެހޭ އިމްތިހާނުތަކުގައި ނުވަތަ ޓިއުޓޯރިއަލްތަކުގައި ބައިވެރިވުމަށް މުސާރަލިބޭގޮތަށް ދޫކުރެވި ދާނެއެވެ. އަދި މިގޮތަށް ދާންބޭނުންވާ ފަރާތްތަކުން އެ ތަމްރީނެއްގެ އިމްތިހާނު ނުވަތަ ޓިއުޓޯރިއަލްގައި ބައިވެރިވެފައިވާ ކަމުގެ ރަސްމީ ލިޔުމާއެކު އެކަން އޮފީހަށް ހުށަހަޅައި އޮފީހުގެ ހުއްދަ ހޯދަން ވާނެއެވެ.
(ނ) ސަރުކާރުގެ ރަސްމީގަޑި ނޫން ގަޑިތަކުގައި ނުވަތަ މުވައްޒަފަކު މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ޑިއުޓީގެ ވަގުތު ނޫން ވަގުތެއްގައި ކިޔެވުން އޮންނަ، ރާއްޖޭގައި ހިންގޭ ތަމްރީނެއްގައި، އޮފީހުގައި ވަޒީފާ އަދާ ކުރަމުން ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބުތަކަށް ދަތިނުވާނޭ ގޮތުގެ މަތީން، މުވައްޒަފު އަމިއްލަ ގޮތުން ބައިވެރިވެވި ދާނެއެވެ. އަދި ށިފްޓް ޑިއުޓީގައި މަސައްކަތް ކުރާ ތަންތަނުގައި ޑިއުޓީ ހަމަޖައްސާއިރު، އެފަދަ މުވައްޒަފުންނަށް ލުއިވާގޮތަށް ށިފްޓު ހަމަޖައްސައިދެވޭތޯ ބަލަން ވާނެއެވެ.
(ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާން ކޮށްފައިވާ ގޮތަށް ނޫންގޮތަކަށް ވަޒީފާގައި ތިބެގެން ކިޔަވާ މުވައްޒަފުންނަށް މި މާއްދާގެ ދަށުން ދިނުމަށް ކަނޑައަޅައިފައިވާ ލުއިތައް ލިބިއެއް ނުދެވޭނެއެވެ.
240 ވަނަ މާއްދާ - ތަމްރީނު ޕްރޮގްރާމްތަކަށް ވީއްލުމުގެ އިދާރީ އިންތިޒާމު
(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން މުސާރަ ލިބޭގޮތަށް ނުވަތަ މުސާރަ ނުލިބޭގޮތަށް މުވައްޒަފުން ވީއްލުމާއި، އެ މުވައްޒަފުން ވަގުތީގޮތުން ވަޒީފާއިން ވަކިކުރުމާއި، އަދި އެނބުރި އައުމުން ވަޒީފާ ދިނުން ފަދަ އިދާރީ އިންތިޒާމުތައް ހަމަޖައްސާނީ އެ މުވައްޒަފު މަސައްކަތްކުރާ އިދާރާގެ އެޗް.އާރު.އެމް.ޑީ ކޮމިޓީގެ މަށްވަރާގެ މަތީން އެ އިދާރާއަކުންނެވެ.
(ށ) ބައިވެރިވި ތަމްރީނުގެ މައުލޫމާތު އެ އިދާރާއަކުން ކޮމިށަނުގެ ސޮފްޓެވެއަރ އަށް އަޅަން ވާނެއެވެ.
(ނ) މުވައްޒަފު ތަމްރީނުގައި ހުންނަ މުއްދަތުގައި، އެ މުވައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާ ކުރެވޭނެ ބަދަލު އިންތިޒާމު އެ އިދާރާއަކުން ހަމަޖައްސަން ވާނެއެވެ.
(ރ) ސިވިލް ސަރވިސްއަށް ހިދުމަތް ކުރުމަށް ބޮންޑު ކުރެވިގެން، ދިވެހި ސިވިލް ސަރވިސްގެ މަގާމަކަށް ހާއްސަ ކުރެވިގެން ކޯސްތަކުގައި ބައިވެރިކުރާ މުވައްޒަފުން، އެނބުރި އައިސް ގުޅޭނެ ށަރުތު ފުރިހަމަވާ މަގާމު، އެ އޮފީހެއްގެ އޮނިގަނޑުގައި ރިޒާވް ކޮށްފައި ބާއްވަން ވާނެއެވެ.
(ބ) ސިވިލް ސަރވިސްއަށް ހިދުމަތް ކުރުމަށް ބޮންޑު ކުރެވިގެން، ދިވެހި ސިވިލް ސަރވިސްގެ މަގާމަކަށް ހާއްސަ ކުރެވިގެން ކޯހަކަށް ފޮނުވާ މީހާއަށް ރިޒަރވްކުރާ މަގާމާބެހޭ މައުލޫމާތު، އެ މުވައްޒަފަކު ސަރުކާރަށް ހިދުމަތް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ އިދާރާއަކުން ކޮމިށަނުގެ ސޮފްޓްވެއަރއަށް އަޅަން ވާނެއެވެ.
(ޅ) ސިވިލް ސަރވިސްއަށް ހިދުމަތް ކުރުމަށް ބޮންޑު ކުރެވިގެން، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތަމްރީނުދެވޭ ކަންތައްތަކާއި، ތަމްރީނުދެވޭ މީހުންނާއި ދެވޭ ތަމްރީނާ ބެހޭ މައުލޫމާތު އެ އޮފީހަކުން ބަލަހައްޓަން ވާނެއެވެ.
241 ވަނަ މާއްދާ - ސިވިލް ސަރވިސްގެ ފަރާތުން ތަމްރީނުދޭ މީހުންގެ މައުލޫމާތު ބެލެހެއްޓުން
(ހ) ސިވިލް ސަރވިސް މެދުވެރިވެގެން ތަމްރީނުދޭ ކޮންމެ މީހަކާބެހޭ މައުލޫމާތު، މި ގަވާއިދުގައިވާ ގޮތުގެ މަތީން، އެ އިދާރާއަކުން މުވައްޒަފުންގެ މައުލޫމާތު ފައިލުގައި ބަލަހައްޓަމުން ގެންދަން ވާނެއެވެ.
(ށ) އޮފީސްތަކުން ތަމްރީނުތަކުގައި ފޮނުވާ މުވައްޒަފުން، ގާނޫނުގައިވާ ގޮތުގެ މަތީން ހިދުމަތް ކުރުމާބެހޭ ރިކޯޑު ބަލަހައްޓާނީ، އެ މުވައްޒަފެއް ވަޒީފާ އަދާ ކުރާ އޮފީހަކުންނެވެ.
(ނ) ތަމްރީނެއްގައި މުވައްޒަފެއް ބައިވެރި ކުރުވުމަށްފަހު، އެ މުވައްޒަފެއްގެ ތަމްރީނު ކުރިއަށްދާގޮތް ބެލުމަކީ، އެ މުވައްޒަފެއް ތަމްރީނު ކުރެވޭ އޮފީހަކުން ކުރަންޖެހޭނެ ކަމެކެވެ.
(ރ) ތަމްރީނުގެ މުއްދަތަށް ބަދަލެއް ގެންނަންޖެހުމާއި، މިނޫނަސް ތަމްރީނާ ގުޅޭ ގޮތުން ގެންނަންޖެހޭ ބަދަލެއް ގެންނަންވާނީ، ތަމްރީނުގައި ފޮނުވި އޮފީހާއި، ސަރުކާރުގެ ކަމާބެހޭ އިދާރާގެ ހުއްދަ ހޯދައިގެންނެވެ.
242 ވަނަ މާއްދާ - ތަމްރީނު ފުރިހަމަ ކުރުމަށްފަހު އޮފީހަށް ރިޕޯޓު ކުރުން
(ހ) ބޮންޑު ކުރެވިގެން އޮފީސްތަކުން ތަމްރީނުތަކުގައި ބައިވެރިކުރާ މީހުން، އެ މުވައްޒަފެއް ބައިވެރިކުރާ ތަމްރީނެއް ފުރިހަމަކޮށް ނިންމަން ވާނެއެވެ. އަދި ރާއްޖެއިން ބޭރުގައި ތަމްރީނުކުރެވޭ މުވައްޒަފެއްނަމަ، ތަމްރީނު ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ރާއްޖެއަށް އެނބުރި އައިސް އެކަން އެ މުވައްޒަފެއްގެ ނުވަތަ އެ މުވައްޒަފެއް ހިދުމަތް ކުރުމަށް އެއްބަސްވެފައިވާ އޮފީހަކަށް ލަސްނުކޮށް އަންގަން ވާނެއެވެ.
(ށ) ބޮންޑު ކުރެވިގެން ރާއްޖެއިން ބޭރުން ތަމްރީނު ފުރިހަމަކުރާ މުވައްޒަފުން، ތަމްރީނު ނިންމުމަށްފަހު އެނބުރި އަންނައިރު، ތަމްރީނު ނިންމިކަމުގެ ސެޓުފިކެޓު ގެންނަން ވާނެއެވެ. ރާއްޖެ އަންނަންވާއިރަށް ސެޓުފިކެޓު ނުލިބުނުނަމަ، ކިޔެވި މަރުކަޒުން ނުވަތަ ތަމްރީނު ހިންގި ރަސްމީ ފަރާތަކުން އެ މުވައްޒަފެއް އެ ތަމްރީނެއް ފުރިހަމަ ކުރިކަމުގެ ލިޔުމެއް ހޯދައި، އެ ލިޔުން ގެންނަން ވާނެއެވެ. މި ލިޔުމުގައި ތަމްރީނުގެ ހުރިހައި ބައިތަކެއް، ކާމިޔާބު ކަމާއެކު ފުރިހަމަކުރިކަން އެނގެން އޮންނަން ވާނެއެވެ. ތަމްރީނުގެ މޮޑިއުލް ނުވަތަ ސެމިސްޓަރތަކުގެ ނަތީޖާ ފަދަ ލިޔުމަކީ އެކިއެކި ކިޔަވައިދޭ މަރުކަޒުތަކުން އެކިއެކި ފޯމެޓުތަކުގައި ދޫކުރާ ލިޔުންތަކަކަށް ވުމާއެކު، އެފަދަ ލިޔުމެއް އެއީ ތަމްރީނު ފުރިހަމަކުރި ކަމުގެ ލިޔުމެއް ކަމުގައި ގަބޫލެއް ނުކުރެވޭނެއެވެ.
(ނ) ތަމްރީނު ފުރިހަމަކުރާ މުވައްޒަފު، ފުރިހަމަކުރި ތަމްރީނުގެ އެކްރެޑިޓް ކުރެވިފައިވާ ސެޓުފިކެޓު ހުށަހެޅުމުން، ސެޓުފިކެޓު އެކްރެޑިޓް ކުރެވުނު ތާރީހުން ފެށިގެން، ރިޒަރވް ކުރެވިފައިވާ މަގާމަށް ހަމަޖައްސައި ދެވޭނެއެވެ. ރިޒަރވް ކުރެވިފައިވާ މަގާމުގެ ފެންވަރުގައި ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިއްޖެނަމަ، އެ ފަރާތަކަށް އެ ވަޒީފާ ހަމަޖައްސައެއް ނުދެވޭނެއެވެ. އަދި އެ މުވައްޒަފަކީ، ވަގުތީ ގޮތުން ވަޒީފާއިން ވަކިކުރެވިފައިވާ ނުވަތަ ވަގުތީ ގޮތުން ވަޒީފާ އަދާ ކުރަމުންދާ މުވައްޒަފެއް ނަމަ، މި ހާލަތުގައި އެ މުވައްޒަފެއް ސިވިލް ސަރވިސްގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގެ ދަށުން ވަޒީފާއިން ވަކިކުރެވޭނެއެވެ.
(ރ) ތަމްރީނު ފުރިހަމަކުރުމަށްފަހު، ސެޓުފިކެޓު ލިބުން ލަސްވާ މުވައްޒަފުން ނުވަތަ ތަމްރީނުގެ ހުރިހައި ބައިތަކެއް ކާމިޔާބު ކަމާއެކު ފުރިހަމަކުރި ކަމުގެ ލިޔުން ހުށަހެޅުން ލަސްވާ މުވައްޒަފުން، ސެޓުފިކެޓު ނުވަތަ ލިޔުން ހުށަހެޅެންދެން އެ މުވައްޒަފެއް އިއުތިރާޒު ނުކުރާނަމަ، އެ މުވައްޒަފަކަށް ރިޒަރވް ކުރެވިފައިވާ މަގާމު، އެ މުވައްޒަފެއް ކުރިން އަދާ ކުރަމުންދިޔަ މަގާމުގެ ރޭންކަށް ދަށްކޮށް، އެ މަގާމަށް ހަމަޖެއްސޭނެއެވެ. މި ގޮތަށް ހަމަޖެއްސުމަށް އެ މުވައްޒަފު އިއުތިރާޒު ކުރާނަމަ، ސެޓުފިކެޓު ނުވަތަ ލިޔުން ލިބެންދެން ރިޒަރވް ކޮށްފައިވާ ވަޒީފާ ހަމަޖައްސައެއް ނުދެވޭނެއެވެ. އަދި އެ މުއްދަތުގައި ބޮންޑް ކުރެވިފައިވާ އޮފީސް ނޫން އެހެން އޮފީހެއްގައި ވަޒީފާ އަދާ ކުރެވޭނީ، މުވައްޒަފު ތަމްރީނު ކުރެވުނު އޮފީހުގެ ހުއްދަ ލިޔުމުން ލިބިގެންނެވެ. ނަމަވެސް އެ ހުއްދަ ދެމި އޮންނާނީ، ސެޓުފިކެޓު ނުވަތަ ލިޔުން ލިބެންދެނެވެ.
243 ވަނަ މާއްދާ - ސިވިލް ސަރވިސް އަށް ހިދުމަތް ކުރުމުގެ މުއްދަތު ކަނޑައެޅުން
(ހ) ރާއްޖޭގައި ދެވޭ ތަމްރީނުތަކުގައި އޮފީހުގެ ފަރާތުން ބައިވެރިކުރާ މުވައްޒަފުން ތަމްރީނު ދެވުނު މުއްދަތުތަކާ ގުޅޭ ގޮތުން ހިދުމަތްކުރާނީ ގާނޫނު ނަންބަރު 29/1976 (ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ހިދުމަތް ކުރުމާބެހޭ ގާނޫނު) ގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.
- ތަމްރީނުގެ މުއްދަތަކީ 30 ދުވަސް ނުވަތަ 30 ދުވަހާއި 6 މަސްދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 1 އަހަރު ދުވަހުގެ މުއްދަތަށް.
- ތަމްރީނުގެ މުއްދަތަކީ 12 މަސްދުވަސް ނުވަތަ 12 މަހާއި 1 އަހަރާ ދެމެދުގެ މުއްދަތެއްނަމަ، 2 އަހަރު ދުވަހުގެ މުއްދަތަށް.
- ތަމްރީނުގެ މުއްދަތަކީ 18 މަސްދުވަސް ނުވަތަ 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތެއްނަމަ، 3 އަހަރު ދުވަހުގެ މުއްދަތަށް.
- ތަމްރީނުގެ މުއްދަތަކީ 18 މަސްދުވަހަށްވުރެ ދިގު މުއްދަތެއްނަމަ، 4 އަހަރު ދުވަހުގެ މުއްދަތަށް.
(ށ) ރާއްޖެއިން ބޭރުގައި ދެވޭ ތަމްރީނުތަކުގައި އޮފީހުގެ ފަރާތުން ބައިވެރިކުރާ މުވައްޒަފުންނާއި، ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީނުދެވޭ މުވައްޒަފުން، ތަމްރީނުދެވުނު މުއްދަތުތަކާ ގުޅޭ ގޮތުން ހިދުމަތްކުރާނީ 29/1976 (ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ހިދުމަތް ކުރުމާބެހޭ ގާނޫނު) ގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.
- ތަމްރީނުގެ މުއްދަތަކީ 3 މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، 1 އަހަރު ދުވަހުގެ މުއްދަތަށް.
- ތަމްރީނުގެ މުއްދަތަކީ 1 އަހަރުދުވަސް ނުވަތަ 6 މަހާއި 1 އަހަރާ ދެމެދުގެ މުއްދަތެއްނަމަ، 2 އަހަރު ދުވަހުގެ މުއްދަތަށް.
- ތަމްރީނުގެ މުއްދަތަކީ 1 އަހަރުދުވަސް ނުވަތަ 6 މަހާއި 1 އަހަރާ ދެމެދުގެ މުއްދަތެއްނަމަ، 3 އަހަރު ދުވަހުގެ މުއްދަތަށް.
- ތަމްރީނުގެ މުއްދަތަކީ 2 އަހަރު ދުވަސް ނުވަތަ 1 އަހަރާއި 2 އަހަރާ ދެމެދުގެ މުއްދަތެއްނަމަ، 4 އަހަރު ދުވަހުގެ މުއްދަތަށް.
- ތަމްރީނުގެ މުއްދަތަކީ 4 އަހަރު ދުވަސް ނުވަތަ 2 އަހަރާއި 4 އަހަރާ ދެމެދުގެ މުއްދަތެއްނަމަ، 5 އަހަރު ދުވަހުގެ މުއްދަތަށް.
- ތަމްރީނުގެ މުއްދަތަކީ 4 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްނަމަ، 7 އަހަރު ދުވަހުގެ މުއްދަތަށް.
244 ވަނަ މާއްދާ - ހިދުމަތް ކުރުމަށް އެއްބަސްވެފައިވާ މުވައްޒަފުންގެ ހިދުމަތުގެ މުއްދަތު ފަސް ކުރުން
(ހ) ދިވެހި ސިވިލް ސަރވިސްއަށް ހިދުމަތް ކުރުމަށް އެއްބަސްވެފައިވާ މުވައްޒަފުން، ދިވެހި ސިވިލް ސަރވިސްއަށް ހިދުމަތް ކުރުމަށް އެއްބަސްވެފައިވާ މުއްދަތު، ތިރީގައިވާ ހާލަތްތަކުގައި ކަނޑައެޅިފައިވާ މުއްދަތަށް މުވައްޒަފާއެކު ވެވޭ އެއްބަސްވުމެއްގެ މަތީން ހިދުމަތް ކުރުން ފަސްކުރެވި ދާނެއެވެ. އެއްބަސްވުމުގެ ނަމޫނާ ޖަދުވަލު 20 ގައި އެވަނީއެވެ.
- މުވައްޒަފު އަމިއްލަގޮތުން ހޯދި ތަމްރީނެއް ނުވަތަ އެ އިދާރާއަކުން މުވައްޒަފު ބައިވެރިކޮށްގެން ތަމްރީނެއް ފުރިހަމަ ކުރުމަށް، ތަމްރީނުގެ މުއްދަތަށްވުރެ ދިގު ނޫން މުއްދަތަކަށް.
- ސިއްހީގޮތުން ތިމާއަށް ނުވަތަ ތިމާ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތަކަށް ފަރުވާ ހޯދުމަށް 1 (އެކެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް.
- ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ނުވަތަ ރާއްޖެއިން ބޭރަށް ދައުލަތުގެ ބޭނުންތަކުގައި ސަރުކާރުން ނުވަތަ ސިވިލް ސަރވިސް އިން ފޮނުވާ މުވައްޒަފުންގެ ފިރި / އަނބިންނާއި، ދަރިން، އެ ރަށަކަށް ނުވަތަ ރާއްޖެއިން ބޭރަށް ދިއުމަށް 1 (އެކެއް) އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް.
(ށ) ދިވެހި ސިވިލް ސަރވިސްއަށް ހިދުމަތް ކުރުން ފަސްކުރެވޭ މުއްދަތު ހަމަވުމާއެކު، އެ މުވައްޒަފަކު ސިވިލް ސަރވިސްގެ ހިދުމަތަށް ނުކުންނަން ވާނެއެވެ. އަދި ހިދުމަތުގެ މުއްދަތު ފަސް ކުރުމަށް ކުރެވޭ އެއްބަސްވުމުގައި ހިދުމަތަށް ނުކުންނަންޖެހޭ މުއްދަތު ބަޔާން ކުރަން ވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، މުވައްޒަފެއްގެ ހިދުމަތުގެ މުއްދަތު ފަސް ކުރުމަށް އެދިއްޖެނަމަ، ހިދުމަތުގެ މުއްދަތު ފަސްކުރާނީ އެ އިދާރާއަކުންނެވެ. އަދި މި މައުލޫމާތު ކޮމިށަނުގެ ސޮފްޓްވެއަރ އަށް އަޅަން ވާނެއެވެ.
(ރ) ވަކި މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރަންޖެހިފައިވާ މުވައްޒަފެއް މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ހާލަތެއްގެ ދަށުން މުސާރަނުލިބޭގޮތަށް ވީއްލައިފިނަމަ، އެ މުވައްޒަފެއް ހިދުމަތް ކުރަންޖެހިފައިވާ މުއްދަތު ހަމަކުރެވޭނީ، މުސާރަނުލިބޭގޮތަށް ވީއްލާފައި ހުންނަ މުއްދަތު ނުހިމަނައެވެ.
245 ވަނަ މާއްދާ - ހިދުމަތް ކުރުމަށް އެއްބަސްވެވުނު އޮފީސް / ދާއިރާ ފިޔަވައި ސިވިލް ސަރވިސްގެ އެހެން ދާއިރާއަކަށް ބަދަލުވުން
(ހ) ދިވެހި ސިވިލް ސަރވިސްއަށް ހިދުމަތް ކުރުމަށް އެއްބަސްވެފައިވާ މުވައްޒަފެއް، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 45 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެހެން ދާއިރާއެއްގެ ސިވިލް ސަރވިސްގެ ވަޒީފާއަކަށް ބަދަލުވާން ބޭނުންވެފައި، ހިދުމަތް ކުރުމަށް ބޮންޑު ކުރެވުނު ދާއިރާގެ ޒިންމާދާރު އިސްވެރިޔާ އިއުތިރާޒު ނުކުރާނަމަ، އަދި، ބަދަލުވާން ބޭނުންވާ އޮފީހުގެ ޒިންމާދާރު އިސްވެރިޔާ ވެސް އެ މުވައްޒަފުގެ ހިދުމަތް ބޭނުންވާނަމަ، އެ މުވައްޒަފު ބަދަލުވުމަށް އެދޭ ސިވިލް ސަރވިސްގެ އެހެން ވަޒީފާއަކަށް ބަދަލުކުރެވި ދާނެއެވެ. މިގޮތުގެ މަތީން މުވައްޒަފު ހިދުމަތް ކުރުމަށް އެއްބަސްވެފައިވާ ދާއިރާއިން އިއުތިރާޒެއްނެތް ކަމަށް ނިންމަވާއިރު، އެ މުވައްޒަފު މަސައްކަތްކުރާ އޮފީހުގެ ޒިންމާދާރު އިސްވެރިޔާ އާއި އެ ދާއިރާގެ އެޗް.އާރު.އެމް.ޑީ ކޮމިޓީގެ މަށްވަރާ ހޯދަން ވާނެއެވެ.
(ށ) ހިދުމަތް ކުރުމަށް އެއްބަސްވެވުނު ތަމްރީނުކުރެވުނު ދާއިރާއިން އެ މުވައްޒަފަކަށް ވަޒީފާ ހަމަޖައްސައި ދެވެން ނެތްނަމަ، އެ މުވައްޒަފު ބަދަލުވުމަށް އެދޭ ސިވިލް ސަރވިސްގެ އެހެން ދާއިރާއެއްގެ ވަޒީފާއަކަށް ބަދަލުކުރެވި ދާނެއެވެ.
(ނ) ހިދުމަތް ކުރުމަށް އެއްބަސްވެވުނު ދާއިރާގެ އޮނިގަނޑަށް ނުވަތަ މަގާމުތަކަށް ގެނެވުނު ބަދަލަކާ ގުޅިގެން ނުވަތަ ދިމާވާ އެހެން ހާލަތަކާ ގުޅިގެން އަދާ ކުރާ ވަޒީފާ އުވިގެން މުވައްޒަފުގެ ހިދުމަތް ބޭނުންނުވާނަމަ، ސިވިލް ސަރވިސްގެ އެހެން ދާއިރާއެއްގެ ވަޒީފާއަކަށް މުވައްޒަފުގެ ވަޒީފާ ބަދަލުކުރެވި ދާނެއެވެ.
246 ވަނަ މާއްދާ - ސިވިލް ސަރވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން ވަޒީފާއަކަށް ދިއުމަށް ސިވިލް ސަރވިސްއަށް ހިދުމަތްނުކުރާ ގޮތަށް ހަމަޖެއްސުން
ހިދުމަތް ކުރުމަށް ބޮންޑު ކުރެވިގެން ތަމްރީނުކުރެވިފައިވާ މުވައްޒަފެއް، ސިވިލް ސަރވިސް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއަކަށް ދިއުމަށް، ސިވިލް ސަރވިސްގެ ވަޒީފާއިން ދޫކޮށްލުމަށް ބޭނުންވާނަމަ، އެ މުވައްޒަފެއް ތަމްރީނު ކުރުމަށް ކުރެވުނު ހަރަދު މި ގަވާއިދާއި މި ގަވާއިދުގެ ދަށުން މުވައްޒަފާ އިދާރާއާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތީން، އެ މުވައްޒަފެއް ތަމްރީނު ކުރުމަށް ކުރެވުނު ހަރަދު އިދާރާއަށް ދައްކަން ވާނެއެވެ.
247 ވަނަ މާއްދާ - ދިވެހި ސިވިލް ސަރވިސްއަށް ހިދުމަތް ކުރަންޖެހޭ މީހުން ހިދުމަތް ނުކުރުމުން އަމަލު ކުރަންވީ ގޮތް
ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ދިވެހި ސިވިލް ސަރވިސްއަށް ހިދުމަތް ކުރަންޖެހޭ މީހަކު، އެ މީހަކު ހިދުމަތް ކުރަންޖެހޭ މުއްދަތަށް ހިދުމަތްނުކޮށް، ނުވަތަ ފަރުވާކުޑަކޮށް، ނުވަތަ މިނޫންވެސް އެއްބަސްވުމާ ހިލާފު އަމަލެއްހިންގާނަމަ، އެ މީހަކާމެދު އަމަލު ކުރާނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.
(ހ) އެ މީހަކު އިސްލާހު ކުރުމަށް، އިދާރާއިން އެ މުވައްޒަފަށް މި ގަވާއިދުގެ 28 ވަނަ ޗެޕްޓަރުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުން.
(ށ) މި މާއްދާގެ (ހ) ގައިވާ ފިޔަވަޅު އެޅުމުންވެސް އިސްލާހުނުވިނަމަ، އެ މުވައްޒަފަކު ތަމްރީނު ކުރުމަށް ކުރެވުނު ހަރަދުގެ ބަދަލު ދައުލަތަށް ހޯދުމަށް، އެ މައްސަލަ މުވައްޒަފު ވަޒީފާ އަދާ ކުރާ އޮފީހުން ފުރިހަމަ ކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަ ކުރުމަށްފަހު ކޮމިށަނަށް ހުށަހެޅުމުން، ކޮމިށަނުން ބަންޑާރަ ނާއިބުގެ އޮފީސް މެދުވެރިކޮށް އެ މައްސަލަ ށަރީއަތަށް ފޮނުވުން.
248 ވަނަ މާއްދާ - ސިވިލް ސަރވިސްއަށް ހިދުމަތް ނުކުރާގޮތަށް ދޫކޮށްލާ މުވައްޒަފުން ތަމްރީނު ކުރުމަށް ކުރެވުނު ހަރަދު ހޯދުން
(ހ) މި ގަވާއިދުގެ 243 ވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެ މަތީން، ސިވިލް ސަރވިސްއަށް ހިދުމަތް ކުރަންޖެހޭ މީހަކު، މި ގަވާއިދުގައިވާ ގޮތުގެ މަތީން ސިވިލް ސަރވިސްއަށް ހިދުމަތްނުކޮށްފިނަމަ ނުވަތަ ނުކުރާގޮތަށް ހަމަޖައްސައިފިނަމަ، މުވައްޒަފާ އެ އިދާރާއާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ސިވިލް ސަރވިސްއަށް ހިދުމަތް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ހިދުމަތްނުކުރާ ގޮތަށް ހަމަޖައްސައި ދޫކޮށްލެވި ދާނެއެވެ.
(ށ) ހިދުމަތް ކުރުމަށް އެއްބަސްވެފައިވާ މުއްދަތު ހަމަވުމުގެ ކުރިން ތަމްރީނުކުރެވުނު ފަރާތް ހިދުމަތުން ދޫކޮށްލުމުގައި ތަމްރީނުކުރެވުނު މީހާގެ ތަމްރީނަށް ހަރަދުވާނެ އަންދާސީ ހިސާބެއް، އެ އޮފީހާއި އެ މީހަކާ ދެމެދު ކުރެވޭ އެއްބަސްވުމުގައި ބަޔާން ކުރަން ވާނެއެވެ.
(ނ) މި ގަވާއިދަށް އަމަލު ކުރަން ފަށާއިރު އެ އޮފީހެއްގެ ފަރާތުން ދޭ ތަމްރީނެއްގައި ބައިވެރިވެގެން ތަމްރީނު ވަމުންދާ މީހުންނާއި، ތަމްރީނު ފުރިހަމަ ކުރުމަށްފަހު އަދި ވަޒީފާ އަދާ ކުރަން ފަށާފައިނުވާ މީހުން ހިދުމަތް ކުރަންޖެހޭ މުއްދަތު ހަމަނުވަނީސް ވަޒީފާއިން ދޫކޮށްލުމުގައި އަމަލު ކުރާނީ މި މާއްދާގެ (ހ) އަދި (ށ) ގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން ތަމްރީނުގެ ހަރަދު އަދި އެއްބަސްވުމުގައިވާ ގޮތުގެ މަތީން ދައްކަންޖެހޭ އިތުރު ފައިސާއެއްވާނަމަ، އެފައިސާއެއް އެ އޮފީހަކަށް ދެއްކުމަށް އެއްބަސްވެ އިގުރާރެއްގައި ސޮއި ކުރުމުންނެވެ.
(ރ) ދައުލަތުން ހަރަދުކޮށްގެން ދިވެހި ސިވިލް ސަރވިސްއަށް ހިދުމަތް ކުރުމަށް އެއްބަސްވެގެން ތަމްރީނުކުރެވޭ މީހަކު ތަމްރީނު ފުރިހަމަ ނުކޮށްފިނަމަ ނުވަތަ ފާސްނުވެއްޖެނަމަ، އެ މީހަކު ތަމްރީނު ކުރުމަށް ކުރެވުނު ހަރަދު މި މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެ މަތީން ދައުލަތަށް ނެގޭނެއެވެ. އަދި އެކަން އެ އޮފީހަކާއި އެ މީހަކާ ދެމެދު ކުރެވޭ އެއްބަސްވުމުގައި ބަޔާން ކުރަން ވާނެއެވެ.
ޗެޕްޓަރ 26
މުވައްޒަފުންގެ ރިކޯޑުތައް ބެލެހެއްޓުން
249 ވަނަ މާއްދާ - ތައާރަފު
(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާނަމަ ސިވިލް ސަރވިސްގެ އިދާރާއެއްގައި މަސައްކަތްކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ މައުލޫމާތު އެ އިދާރާއަކުން އަދި އެ ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މައުލޫމާތު މަސްއޫލު އޮފީހުން ބަލަހައްޓަމުން ގެންދަން ވާނެއެވެ.
(ށ) މުވައްޒަފުންގެ މައުލޫމާތު ބަލަހައްޓާނީ މި ޗެޕްޓަރުގައިވާ ގޮތުގެ މަތީންނެވެ.
250 ވަނަ މާއްދާ - ރަޖިސްޓަރީ ބެލެހެއްޓުން
(ހ) ސިވިލް ސަރވިސްގެ ކޮންމެ އިދާރާއަކުންވެސް އެ އިދާރާއެއްގެ މަގާމުތަކުގެ ރަޖިސްޓަރީއާއި، މުވައްޒަފުންގެ ރަޖިސްޓަރީ ބަލަހައްޓަން ވާނެއެވެ. މިގޮތުން މައިގަ ނޑު ގޮތެއްގައި ބަލަހައްޓާނީ، ތިރީގައިމިވާ ބާވަތްތަކުގެ ރަޖިސްޓަރީއެވެ. މި ރަޖިސްޓަރީތައް، އެ އިދާރާއެއްގައި މިކަމަށް ތައްޔާރު ކޮށްފައިވާ ކޮމްޕިއުޓަރ ޕްރޮގްރާމެއްގައި ނުވަތަ ފޮތްތަކުގައިވެސް ބެލެހެއްޓި ދާނެއެވެ.
- މަގާމުގެ ރަޖިސްޓަރީ.
- ދާއިމީ މުވައްޒަފުންގެ ރަޖިސްޓަރީ.
- ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީ.
- ސިވިލް ސަރވިސްގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ގެންގުޅޭ ސިވިލް
- ސަރވިސްގައި ނުހިމެނޭ މީހުންގެ ރަޖިސްޓަރީ.
251 ވަނަ މާއްދާ - މަގާމުތަކުގެ ރަޖިސްޓަރީ
(ހ) މަގާމުތަކުގެ ރަޖިސްޓަރީގައި ހިމަނައި ބަލަހައްޓާނީ، އޮފީހުގައި އެ ވަގުތަކު ހުރި މަގާމުތަކާއި، ކުރިން ހުރި މަގާމުތަކާއި، މަގާމުތަކަށް އަންނަ ބަދަލާއި، އެ މަގާމުތަކާބެހޭ މައުލޫމާތެވެ.
(ށ) މަގާމުތަކުގެ ރަޖިސްޓަރީގައި އަންނަނިވި މައުލޫމާތު ހުންނަން ވާނެއެވެ.
- މަގާމުގެ ނަން.
- މަގާމުގެ ނަންބަރު.
- މަގާމު އިތުރުކުރި އަދަދު.
- މަގާމު އުނިކުރި އަދަދު.
- މަގާމު އިތުރު ކުރުމުން ނުވަތަ އުނި ކުރުމުން ބާކީއޮތް ޖުމުލަ އަދަދު.
- މަގާމު އުފެއްދި ޗިޓު/ސިޓީ ނަންބަރުާއި ތާރީހު.
- މަގާމު އުވާލި ޗިޓު/ސިޓީ ނަންބަރުާއި ތާރީހު.
- މަގާމުގެ މުސާރަ.
- މަގާމުގެ އެލަވަންސްތަކާއި އެހެނިހެން އިނާޔަތްތައ
252 ވަނަ މާއްދާ - ދާއިމީ މުވައްޒަފުންގެ ރަޖިސްޓަރީ
(ހ) ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފުންގެ ރަޖިސްޓަރީގައި ހިމަނައި ބަލަހައްޓާނީ، އިދާރާގެ މަގާމުތަކުގައި އެ ވަގުތަކު ތިބި ދާއިމީ މުވައްޒަފުންނާއި ކުރިން އުޅެފައިވާ ދާއިމީ މުވައްޒަފުންގެ މައުލޫމާތެވެ.
(ށ) ދާއިމީ މުވައްޒަފުންގެ ރަޖިސްޓަރީގައި، އަންނަނިވި މައުލޫމާތު ހުންނަން ވާނެއެވެ.
- މަގާމުގެ ނަން.
- މުވައްޒަފުގެ ނަމާއި ދާއިމީ އެޑްރެސް.
- މުވައްޒަފުގެ ދިވެހިރައްޔިތެއްކަން އަންގައިދޭކާޑު ނަންބަރު.
- މުވައްޒަފުގެ ހިދުމަތުގެ ރިކޯޑުކާޑު ނަންބަރު
- މަގާމު ހަމަޖެހިފައިވާ ސެކްށަން.
- މަގާމުގެ މުސާރަ.
- މަގާމުގެ ކްލެސިފިކޭށަން.
- މަގާމުގެ ރޭންކް.
- ސަރވިސް ކެޓަގަރީ.
- މުވައްޒަފަށް ލިބޭ މުސާރަ.
- މުސާރައިގެ އިތުރަށް ދެވޭ އިނާޔަތްތައް.
- މުވައްޒަފު ހިދުމަތް ކުރަންފެށި ތާރީހު.
- މުވައްޒަފަށް ވަޒީފާ ދިން ނުވަތަ ވަޒީފާ ބަދަލުކުރި ނުވަތަ ވަޒީފާއިން ވަކިކުރި ތާރީހާއި ޗިޓު ނަންބަރު.
(ނ) ސިވިލް ސަރވިސްގެ މުވައްޒަފެއް ވަކިވުމުން ނުވަތަ ބަދަލުވުމުން، ރަޖިސްޓަރީގައި، ވަކިވި ނުވަތަ ބަދަލުވި ތާރީހު އެނގެން ހުންނަން ވާނެއެވެ.
253 ވަނަ މާއްދާ - ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީ
(ހ) ސިވިލް ސަރވިސްގެ ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީގައި ހިމަނައި ބަލަހައްޓާނީ، އެ އިދާރާއެއްގެ މަގާމުތަކުގައި އެ ވަގުތަކު ތިބި ވަގުތީ މުވައްޒަފުންނާއި ކުރިން އުޅެފައިވާ ވަގުތީ މުވައްޒަފުންގެ މައުލޫމާތެވެ.
(ށ) ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީގައި އަންނަނިވި މައުލޫމާތުތައް ހުންނަން ވާނެއެވެ.
- ނަމާއި އެޑްރެސް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު.
- އުފަން ތާރީހު.
- މަގާމު އޮތް އޮފީސް.
- މަގާމު އޮތް ސެކްށަން.
- މަގާމުގެ ނަން.
- މަގާމުގެ ނަންބަރު.
- މަގާމުގެ ރޭންކް.
- މަގާމުގެ ކްލެސިފިކޭށަން.
- މަގާމުގެ މުސާރަ.
- މަގާމަށް ކަނޑައެޅިފައިވާ އިތުރު އިނާޔަތްތައް.
- ގެންގުޅެން ފެށި ތާރީހު.
- ދޫކޮށްލި ތާރީހު.
- ދޫކޮށްލި ސަބަބު.
254 ވަނަ މާއްދާ - ސިވިލް ސަރވިސް މުވައްޒަފުންގެ މައުލޫމާތު ބެލެހެއްޓުން
ސިވިލް ސަރވިސްގެ ކޮންމެ އިދާރާއަކުންވެސް އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކަށް (ވަގުތީ، ދާއިމީ)، ތިރީގައިވާ ގޮތުގެ މަތީން މައުލޫމާތު ފައިލެއް ތައްޔާރުކޮށް، ބަލަހައްޓަމުން ގެންދަން ވާނެއެވެ.
(ހ) ވަޒީފާ ލިބިގެން މުވައްޒަފު އޮފީހަށް ނުކުތުމާއެކު، އޮފީހުގެ ފަރާތުން އެ މުވައްޒަފުގެ މައުލޫމާތު ފައިލް ހަދައި، އެ ފައިލުގައި ހިދުމަތުގެ ރިކޯޑު ކާޑު ނަންބަރު ޖަހަން ވާނެއެވެ. އަދި ފައިލް ހެދުމަށްފަހު، އެ މުވައްޒަފާ ބެހޭގޮތުން ލިޔާ ލިޔުންތަކުގައި މި ނަންބަރު ޖަހަމުން ގެންދަން ވާނެއެވެ.
(ށ) ވަގުތީ ގޮތުން ގެންގުޅޭ މީހުންނަށްވެސް އެ މީހަކު އުޅޭ އޮފީހަކުން މައުލޫމާތު ފައިލް ހަދައި، ބަލަހައްޓަމުން ގެންދަން ވާނެއެވެ.
(ނ) މުވައްޒަފުންގެ މައުލޫމާތު ފައިލުގައި ތިރީގައިވާ ލިޔުންތައް ހުންނަން ވާނެއެވެ.
- ވަޒީފާއަށްއެދި ފުރި ފޯމު ނުވަތަ ފޮނުވި ސިޓީ.
- ލިބިފައިވާ ފާސްތަކާއި ސަނަދުތަކާއި ލިޔުންތަކުގެ އަސްލާ އެއްގޮތްކަން ބަޔާން ކޮށްފައިވާ ކޮޕީ.
- ކުރީގައި ވަޒީފާ އަދާ ކޮށްފައިވާ ތަންތަނުން ދީފައިވާ ލިޔުން ހުށަހަޅައިފައިވާނަމަ، އެ ލިޔުންތައް.
- ސިވިލް ސަރވިސްއަށް ވަންނަންއެދޭ މީހުންގެ ކުށުގެ ރިކޯޑު ބަލާ ފޯމު.
- ވަޒީފާދިން ޗިޓު (ނުވަތަ ޗިޓުގެ ކޮޕީ).
- ވަޒީފާގެ އެއްބަސްވުމުގެ އަސްލު.
- ވަޒީފާ ބަޔާނުގެ ކޮޕީ.
- ވަނަވަރު. މަދުވެގެން އަހަރަކު އެއް ފަހަރު ގެންނަންޖެހޭ ބަދަލުތައް ގެނެސް އަޕްޑޭޓް ކުރަން ވާނެއެވެ.
- މުވައްޒަފާ ގުޅޭ ގޮތުން ބަދަލުކުރެވޭ ލިޔެކިޔުންތަކުގެ ކޮޕީ.
- ސަލާމު ސިޓީއާއި، ޗުއްޓީއަށް އެދި ފޮނުވާ ސިޓީއާއި، ޑޮކްޓަރު ސެޓުފިކެޓު.
- ޗުއްޓީދޭ ލިޔުން (ނުވަތަ އެ ލިޔުމުގެ ކޮޕީ) ވަޒީފާގައި ގެންގުޅެން ފެށުމަށްފަހު، ތަމްރީނު ކޯހެއް ފުރިހަމަ ކޮށްފައި ވާނަމަ، ފުރިހަމަކުރި ކޯހާބެހޭ މައުލޫމާތު (ލިބިފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއާއެކު)
- އިސްލާހީ ފިޔަވަޅުތަކުގެ ރިކޯޑު.
- ސިވިލް ސަރވިސްގެ ވަޒީފާ ލިބުމަށްފަހު ގާނޫނީގޮތުން ބަންދެއްވެ، ށަރީއަތުން އަދަބެއް ލިބިފައިވާނަމަ އެކަމުގެ ރިކޯޑު.
- އެހެން އޮފީހަކުން ހިންގާ ކަމެއްގައި ނުވަތަ ގައުމީ ފެންވަރުގައި ހިންގާ ކަމެއްގައި ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ކަމެއްގައި އެ މީހަކު ވަޒީފާ އަދާ ކުރާ އޮފީސް (ނުވަތަ ސިވިލް ސަރވިސް) ތަމްސީލު ކުރުމަށް ފޮނުވިފައިވާނަމަ އެކަމުގެ މައުލޫމާތު.
- ވަގުތީ ގޮތުން އެކިއެކި ހާއްސަ މަސައްކަތް ހަވާލު ކޮށްފައި ވާނަމަ އެކަމުގެ މައުލޫމާތު.
- ވަޒީފާ ބަދަލުކުރި ޗިޓު (ނުވަތަ ޗިޓުގެ ކޮޕީ).
- މަސައްކަތުގެ ފެންވަރު ބެލި ފޯމު.
- މުސާރައިގެ ކުރިއެރުން ހަމަޖެއްސި ޗިޓު (ނުވަތަ ޗިޓުގެ ކޮޕީ).
- ވަޒީފާއިން ވަކިކުރި ޗިޓު (ނުވަތަ ޗިޓުގެ ކޮޕީ).
- ވަޒީފާ އަދާ ކުރިގޮތުގެ ލިޔުމުގެ ކޮޕީ.
- ކޯސް ލިބިފައިވާ މުވައްޒަފާ އޮފީހާ ދެމެދު ވެވޭ އެއްބަސްވުން.
(ރ) މި މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާ 10 ،11 ،18 އަދި 19 ވަނަ ނަންބަރުގައިވާ ލިޔެކިއުންތައް ފައިލްކުރެވޭ ތާރީހުންފެށިގެން 4 (ހަތަރެއް) އަހަރު ވުމަށްފަހު ނައްތާލެވި ދާނެއެވެ.
(ބ) ވަޒީފާ ލިބޭ މީހުންގެ މައުލޫމާތު ފައިލުތަކުގައި އެ މުވައްޒަފަކާ ބެހޭގޮތުން ފައިލު ކުރަންޖެހޭ ހުރިހައި ލިޔުންތަކެއް ހަމައަށް ފައިލު ކުރަމުން ގެންދިއުން. މިގޮތުން ފައިލުކުރާ ލިޔުންތަކުގައި އެ ލިޔުންތަކުގެ ތާރީހު ތަރުތީބުން ނަންބަރު ޖަހަމުން ގެންދިއުން.
(ޅ) މުވައްޒަފުންގެ މައުލޫމާތު ފައިލުތައް ވަކި މުވައްޒަފަކާ ހަވާލުކޮށް ރައްކާތެރި ގޮތެއްގައި ބަލަހައްޓަން ވާނެއެވެ.
(ކ) ސިވިލް ސަރވިސްގެ މުވައްޒަފުންގެ މައުލޫމާތު ފައިލުގައިވާ ލިޔުންތަކަކީ ސިއްރު ލިޔުންތަކެކެވެ. ވީމާ، މަސައްކަތާ ގުޅޭ ގޮތުން ކޮންމެހެން ބަލަންޖެހޭ މުވައްޒަފެއް ފިޔަވައި އެހެން މުވައްޒަފުން އެ ފައިލުގައިވާ ލިޔުންތައް ބަލައި ހަދައިގެން ނުވާނެއެވެ.
(އ) މުވައްޒަފެއް، އެ މުވައްޒަފެއްގެ ޕަރސަނަލް ފައިލް ބަލަން ބޭނުންވެއްޖެނަމަ، ޕަރސަނަލް ފައިލް ބަލަހައްޓާ މުވައްޒަފުގެ ބެލުމުގެ ދަށުން އެ ފައިލުގައިވާ ލިޔެކިޔުންތައް ދައްކަން ވާނެއެވެ.
(ވ) ސިވިލް ސަރވިސްގެ މުވައްޒަފެއް އެހެން އޮފީހަކަށް ބަދަލުވެއްޖެނަމަ ބަދަލުވި އޮފީހަށް އެ މުވައްޒަފެއްގެ މައުލޫމާތު ފައިލް ފޮނުވަން ވާނެއެވެ. އޮފީހުގެ މުވައްޒަފެއް ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވެއްޖެނަމަ ނުވަތަ ނިޔާވެއްޖެނަމަ، އެ އޮފީހެއްގައި އެ މީހެއްގެ މައުލޫމާތު ފައިލް ރައްކާތެރިކަމާއެކު 4 (ހަތަރެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓަން ވާނެއެވެ.
255 ވަނަ މާއްދާ - ސިވިލް ސަރވިސްގެ މުވައްޒަފުންގެ މައުލޫމާތުތަކަށް ބަދަލު ގެނައުން
(ހ) މުވައްޒަފެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މައުލޫމާތުތަކަށް ބަދަލެއް އަތުވެއްޖެނަމަ އެކަން އެ މުވައްޒަފެއް، އެ މުވައްޒަފެއް ވަޒީފާއަދާ ކުރާ އޮފީހަކަށް އެ ބަދަލެއް ގެންނަތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ހުށަހަޅަން ވާނެއެވެ.
(ށ) މުވައްޒަފެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މައުލޫމާތުތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލެއް ގެންނަން އެ މުވައްޒަފެއް ވަޒީފާ އަދާ ކުރާ އޮފީހަކުން އެ މައުލޫމާތެއް ލިބޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި މަސްއޫލު އޮފީސް މެދުވެރިކޮށް ކޮމިށަނުގެ ސޮފްޓްވެއަރ އިން އަޕްޑޭޓް ކުރަން ވާނެއެވެ. މިގޮތުން އަޕްޑޭޓްކުރާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަޕްލޯޑް ކުރަން ވާނެއެވެ.
(ނ) މުވައްޒަފެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ބަދަލު ގެނެވުނު މައުލޫމާތު، އެ މުވައްޒަފެއްގެ ވަޒީފާއާބެހޭ ހުރިހައި ލިޔެކިޔުންތަކުން އެ އޮފީހަކުން އިސްލާހު ކުރަން ވާނެއެވެ.
256 ވަނަ މާއްދާ - އަދާ ކުރި ވަޒީފާގެ ލިޔުން
(ހ) ސިވިލް ސަރވިސްގެ މުވައްޒަފެއް އެހެން އޮފީހަކަށް ބަދަލުވުމަށްފަހު ނުވަތަ ވަޒީފާއިން ވަކިވުމަށްފަހު، ވަޒީފާ އަދާ ކުރިގޮތުގެ ލިޔުން ވަޒީފާއިން ވަކިވި ނުވަތަ ބަދަލުވި ތާރީހުން ފެށިގެން 6 (ހަޔެއް) މަސް ދުވަހުގެ ތެރޭގައި އެ މުވައްޒަފެއް އެދިއްޖެނަމަ، އަންނަނިވި ކަންތައްތަކަށް އިށާރާތްކޮށް އަދާ ކުރި ވަޒީފާގެ ލިޔުން ދޫކުރަން ވާނެއެވެ.
- ވަޒީފާގައި އުޅުނު މީހާގެ ނަމާއި އެޑްރެސް.
- އޮފީހުގެ މަސައްކަތުގެ ބާވަތް.
- މެދުކެނޑުމެއްނެތި އެ އޮފީހުގެ ވަޒީފާގައި އެ މުވައްޒަފެއް ދެމިހުރި މުއްދަތު.
- ވަޒީފާ އަދާ ކުރި ތަން، ސެކްށަން، ނުވަތަ ޔުނިޓް.
- ވަޒީފާއިން ވަކިވިއިރު އެ މުވައްޒަފެއް އަދާ ކުރަމުން އައި ވަޒީފާ.ވަޒީފާއިން ވަކިވިއިރު އެ މުވައްޒަފަކަށް ލިބެމުންދިޔަ މުސާރައާއި އެހެނިހެން މާލީ އިނާޔަތްތައް.
(ށ) އެ މުވައްޒަފެއް ވަޒީފާއިން ވަކިވި ސަބަބު ނުވަތަ ބަދަލުވި ސަބަބު ނުވަތަ އޭނާ ވަޒީފާ އަދާ ކުރި ގޮތާމެދު ވަޒީފާދޭ ފަރާތުން ދެކޭގޮތް (ރަނގަޅު ނުވަތަ ރަނގަޅު ނުވިޔަސް)، ވަޒީފާއަދާ ކުރި ލިޔުމުގައި، މުވައްޒަފެއް އެދިއްޖެ ހިނދެއްގައި މެނުވީ ހިމަނައިގެން ނުވާނެއެވެ.
ޗެޕްޓަރ 27
އޮފީހަށް ނުކުތުން މަނާ ކުރުން
257 ވަނަ މާއްދާ - ތައާރަފު
މުސާރަ ލިބޭގޮތަށް ނުވަތަ މުސާރަ ނުލިބޭގޮތަށް ނަމަވެސް މުވައްޒަފު އޮފީހަށް ނުކުތުން މަނާ ކުރުމަކީ، މުވައްޒަފުގެ އަބުރަށާއި ކަރާމަތަށް އަސަރުކޮށްފާނެ ކަމަކަށް ވުމާއެކު، މި ފިޔަވަޅު މުވައްޒަފާމެދު އަޅަންވާނީ އެކަމަށް ކޮންމެހެން ބޭނުންވެގެންނެވެ. މި ޗެޕްޓަރުގެ ބޭނުމަކީ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 46 ވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެ މަތީން، މުސާރަ ދޭގޮތަށް ނުވަތަ މުސާރަ ނުދޭގޮތަށް މުވައްޒަފުން އޮފީހަށް ނުކުތުން މަނާ ކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމެވެ.
258 ވަނަ މާއްދާ - މުވައްޒަފުން އޮފީހަށް ނުކުތުން މަނާ ކުރުން
(ހ) މި ގަވާއިދުގައި އެހެންގޮތަކަށް ބުނެފައި ނުވާހައި ހިނދަކު، މި ގަވާއިދުގެ ދަށުން އެއްވެސް މުވައްޒަފެއް މުސާރަ ލިބޭގޮތަށް ނުވަތަ މުސާރަ ނުލިބޭގޮތަށް، އޮފީހަށް ނުކުތުން މަނާ ކޮށްފައި އެންމެ ދިގު މުއްދަތަކަށް ބެހެއްޓޭނީ 30 (ތިރީސް) ދުވަހުގެ މުއްދަތަށެވެ.
(ށ) މި ޗެޕްޓަރުގެ ދަށުން އޮފީހަށް ނުކުތުން މަނާކުރާ އެންމެހައި މުއްދަތެއް ގުނާނީ ބަންދު
ދުވަސްތައް ހިމަނައިގެންނެވެ.
(ނ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މައްސަލައެއްގެ ތަހުގީގު މަރުހަލާގައި އަދި ށަރީއަތަށް ހުށަހަޅައިފައިވާ މުއްދަތުގައި މުސާރަދޭގޮތަށް ނުވަތަ މުސާރަ ނުދޭގޮތަށް މުވައްޒަފެއް އޮފީހަށް ނުކުތުން މަނާ ކުރުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
- މުވައްޒަފެއްގެ ވަޒީފާއާ ގުޅުންހުރި މައްސަލައެއް ބަލަމުންދާ ވަގުތެއްގައި އެ މުވައްޒަފާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ނައްތާލުމަށް މަސައްކަތް ކޮށްފާނެކަމަށްޓަކައި؛
- އެ މުވައްޒަފު ވަޒީފާއަށް ނުކުމެ އުޅުމުން އެ އިދާރާއަށް ނުވަތަ އެ އިދާރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް ނުވަތަ ހިދުމަތް ލިބިގަންނަން އަންނަ މީހަކަށް ނުވަތަ ބަޔަކަށް އެކަށީގެންވާ ހަމަތަކަށް ބަލާއިރު ސީދާ ގެއްލުމެއް ނުވަތަ މައްސަލައެއް ކުރިމަތިވެ ދާނެ ކަމަށް ފެނިއްޖެ ހިނދެއްގައި؛
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ރައްކާތެރިކަން ދީފައިވާ މީހުންގެ ކަމަކާ ހަވާލުވެ ހުންނަ މީހަކު އެއިން މީހެއްގެ ރައްކާތެރިކަމަށް އަރައިގެންފާނެކަމަށް ބެލެވުން ނުވަތަ އަރައިގަންނަން އުޅުން ނުވަތަ އަރައިގަތްކަމަށް ތުހުމަތު ކުރެވުން.
- މި މާއްދާގެ (ނ) ގެ 1 ،2 އަދި 3 ވަނަ ނަންބަރުގައިވާ ހާލަތްތަކުގެ އިތުރުން މުވައްޒަފެއް އޮފީހަށް ނުކުތުން މަނާ ކުރުމަށް އެންގުމަށް މަގުބޫލު ސަބަބެއް އޮތްކަމަށް ކޮމިށަނަށް ފެނުން. މީގެތެރޭގައި ގާނޫނަކުން ބާރުލިބިގެން ވަކި އިދާރާއަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވަޒީފާއަށް ނުކުތުން މަނާ ކުރުމަށް އެދި ކޮމިށަނަށް ހުށަހަޅާ ހުށަހެޅުން ތަންފީޒު ކުރުމުގެ ގޮތުން މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރާ ކުރުން ހިމެނެއެވެ.
(ރ) މި ގަވާއިދުގައިވާ ގޮތުގެ މަތީން މުވައްޒަފު ވަޒީފާއަށް ނުކުތުން މަނާ ކުރަން އެދޭނީ މުވައްޒަފު އޮފީހަށް ނުކުތުން މަނާ ކުރުމަށް އެދޭ ފޯމުންނެވެ. މި ފޯމުގެ ނަމޫނާ ޖަދުވަލު 21 ގައި އެވަނީ އެވެ. މުވައްޒަފެއް ވަޒީފާއަށް ނުކުތުން މަނާކުރެވޭނީ މި ގަވާއިދުގެ ޖަދުވަލު 22 ގައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށް ކޮމިށަނުގެ ތައްގަ ނޑު ޖަހައި ފޮނުވާ ލިޔުމުންނެވެ.
(ބ) މި މާއްދާ ގެ (ނ) ގައި ބަޔާން ކޮށްފައިވާ ގޮތަށް އޮފީހަށް ނުކުތުން މަނާ ކޮށްފައިވާ މުވައްޒަފެއްގެ މައްސަލަ ކޮމިށަނަށް ހުށަހެޅިއްޖެ ހިނދެއްގައި، މި ގަވާއިދުގައިވާ ގޮތުގެ މަތީން މައްސަލަ ބަލައި ނިންމުމަށްފަހު، ނުވަތަ މައްސަލަ ބަލައި ނުނިމެނީސް އަލުން އޮފީހަށް ނެރުމަށް ބޭނުންވެއްޖެ ހާލަތެއްގައި، މުވައްޒަފު އޮފީހަށް ނުކުތުން މަނާ ކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސްފައިވާކަން ކޮމިށަނުން ކަނޑައަޅާ، އެކަން ލިޔުމުން އެ އިދާރާއެއް މެދުވެރިކޮށް އެ މުވައްޒަފަށް އޮފީހަށް ނުކުތުމަށް އަންގަން ވާނެއެވެ. ވަޒީފާއަށް ނުކުތުމަށް އަންގާ ލިޔުމުގެ ނަމޫނާ ޖަދުވަލު 23 އެވަނީއެވެ.
(ޅ) މިޗެޕްޓަރުގެ ދަށުން މުސާރަ ދޭގޮތަށް ނުވަތަ މުސާރަ ނުދޭގޮތަށް މުވައްޒަފެއް އޮފީހަށް ނުކުތުން މަނާ ކުރުމަކީ، ވަޒީފާއާބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގައި ބުނެފައިވާ އިސްލާހީ ފިޔަވަޅު އެޅުން ކަމުގައި ނުބެލެވޭނެއެވެ.
259 ވަނަ މާއްދާ - ދިމާވާ ހާއްސަ ހާލަތެއްގައި އޮފީހަށް ނުކުތުން ވަގުތީ ގޮތުން މަނާ ކުރުން
(ހ) އޮފީސް މާހައުލުގައި ދިމާވާ ހާއްސަ ހާލަތެއްގައި މި ގަވާއިދުގައިވާ ގޮތުގެ މަތީން ވަގުތީ ގޮތުން، މުސާރަދޭގޮތަށް ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާއަށް ނުވަތަ އެކަމުގެ އިހުތިޔާރު ކޮމިށަނުން ދީފައިވާ ފަރާތަކަށް މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރެވި ދާނެއެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެގެން މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކޮށްފިނަމަ، އެކަން އެ މުވައްޒަފަށް ސަބަބު ބަޔާންކޮށް، ލިޔުމުން 24ގަޑިއިރުގެ ތެރޭގައި އަންގަން ވާނެއެވެ.
(ށ) މި މާއްދާގައި ބުނެފައިވާ ހާއްސަ ހާލަތްތައްކަމަށް ބަލާނެ ކަންތައްތައް ތިރީގައި މިވަނީއެވެ.
- އޮފީސް މާހައުލުގެ ތެރޭގައި ޖިނާއީކުށެއް ކުރަންއުޅުނުކަމަށް ނުވަތަ ކުރިކަމަށް ތުހުމަތު ކުރެވުން.
- މި ގަވާއިދުގެ 258 ވަނަ މާއްދާގެ (ނ) ގައިވާ ހާލަތެއް މެދުވެރިވެ އެހާލަތަށް ރިއާޔަތްކޮށް ފިޔަވަޅު އެޅުން ލަސްކޮށްފިނަމަ، އެކަށީގެންވާ ހަމަތަކަށް ބަލައި އޮފީހަށް ނުކުތުން މަނާ ކުރުން ނޫން އެހެން ހައްލެއް އެހިނދުގައި، ހޯދެން ނެތުން.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާއަށް ވަގުތީ ގޮތުން މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރިކުރުން 24 ގަޑިއިރުގެ ތެރޭގައި ކޮމިށަނަށް ލިއުމުން ހުށަހަޅަން ވާނެއެވެ. ވަގުތީ ގޮތުން މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރިއިރު، ކުރިއަށް އޮތީ ސަރުކާރު ރަސްމީ ބަންދު ދުވަހެއް ކަމުގައި ވާނަމަ، ދެން އެންމެ އަވަހަށް އޮފީސް ހުޅުވޭ ދުވަހު އެކަން ކޮމިށަނަށް ލިއުމުން ހުށަހަޅަން ވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން މައްސަލަ ކޮމިށަނަށް ހުށަހެޅުމުން،އެ މައްސަލައަކާއެކު ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި ހެކިތަކަށް ރިއާޔަތްކޮށް ކޮމިށަނުން އެ މައްސަލައެއް ބަލައި ދިރާސާ ކުރުމަށްފަހު، މުސާރަދޭގޮތަށް ނުވަތަ މުސާރަ ނުދޭގޮތަށް މުވައްޒަފެއް އޮފީހަށް ނުކުތުން މަނާ ކުރުމާމެދު ގޮތެއް ނިންމައި އެ ނިންމިގޮތެއް ކޮމިށަނުން ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާއަށް އަންގަން ވާނެއެވެ. އަދި ކޮމިށަނުން އެ ނިންމި ނިންމުން ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާއަށް އަންގާތާ 24 ގަޑިއިރު ތެރޭގައި އެ ނިންމި ނިންމުން މުވައްޒަފަށް، ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ އަންގަން ވާނެއެވެ. އަދި އެ ލިޔުމުގައި އެ މީހަކާމެދު އަމަލު ކުރުމަށް ކޮމިށަނުން ނިންމިގޮތް ބަޔާން ކޮށްފައި އޮންނަން ވާނެއެވެ.
(ބ) ހާއްސަ ހާލަތްތައް ފިޔަވައި، މި ގަވާއިދުގެ 258 ވަނަ މާއްދާގެ (ނ) ގައިވާ ހާލަތްތަކުގައި މުވައްޒަފެއް އޮފީހަށް ނުކުތުން މަނާ ކުރަންވާނީ ކޮމިށަނަށް ހުށަހަޅައި މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.
(ޅ) އޮފީސް މާހައުލުގެބޭރުން ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ފުލުހުން ނުވަތަ އެފަދަ ފަރާތަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ގޭބަންދުގައި ނުވަތަ ޖަލުގައި ހައްޔަރު ކޮށްފައިވާ މުވައްޒަފެއް އޮފީހަށް ހާޒިރުވެފައި ނުވާ ނުވުމަކީ، އެ މުވައްޒަފުގެ އަމިއްލަ އިހުތިޔާރުގައި ހާޒިރުނުވި ނުވުމެއް ނޫންކަމަށްވާތީ، އެ މުވައްޒަފެއް އެ ގޮތުން ހުންނަ މުއްދަތަކީ މި ގަވާއިދުގެ ދަށުން އޮފީހަށް ނުކުތުން މަނާ ކުރުމުގެ ތެރޭގައި ނުހިމެނޭ މުއްދަތެކެވެ. އަދި އެ މުއްދަތުގައި މުސާރައާއި އިނާޔަތްތައް އެ މުވައްޒަފަށް
ލިބިދޭން ވާނެއެވެ.
(ކ) މި ގަވާއިދުގެ 259 ވަނަ މާއްދާގެ (ށ) ގައިވާ ހާލަތެއް މެދުވެރިވުމާ ގުޅިގެން އެ މުވައްޒަފެއް އޮފީހަށް ނުކުތުން މަނާ ކުރުމަށް އެދި ކޮމިށަނަށް ލިބުމުން އެ މައްސަލައަކާއެކު ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި ހެކިތަކަށް ރިއާޔަތްކޮށް މުސާރަދޭގޮތަށް ނުވަތަ މުސާރަ ނުދޭގޮތަށް މުވައްޒަފެއް އޮފީހަށް ނުކުތުން މަނާ ކުރުމާމެދު ގޮތެއް ނިންމައި ލިޔުމުން އެ ނިންމިގޮތެއް ކޮމިށަނުން އެ އިދާރާއެއްގެ ޕަރމަނަންޓް ސެކްރެޓަރީ، ޒިންމާދާރު އިސްވެރިޔާއަށް އަންގަން ވާނެއެވެ. އަދި މި މާއްދާގެ ދަށުން އޮފީހަށް ނުކުތުން މަނާ ކުރުމަށް ކޮމިށަނުން ނިންމި ލިޔުން އެ އިދާރާއެއްގެ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ މެދުވެރިކޮށް އެ މުވައްޒަފަށް ދޭން ވާނެއެވެ.
(ކ) މި މާއްދާގެ ދަށުން ބަލަންޖެހޭ މައްސަލަތައް ބަލާނީ، އެ މުވައްޒަފު ވަޒީފާއަދާ ކުރާ އޮފީސް ނުވަތަ އިދާރާއެއްގެ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ ނުވަތަ އެއިން ފަރާތަކުންކުރެ ފަރާތަކުން ކަނޑައަޅާ ގޮތެއްގެ މަތީން އެ އޮފީހަކުންނެވެ.
(ވ) އޮފީސް މާހައުލުގެ ތެރޭގައި ހިނގާ ކަމަކާ ގުޅިގެން މި ގަވާއިދުގެ 258 ވަނަ މާއްދާގެ (ނ) އާއި މި މާއްދާގެ (ހ) ގައިވާ ހާލަތެއްގެ ދަށުން މައްސަލައެއް ބެލުމަށްފަހު އެ މައްސަލާގައި އެ މުވައްޒަފާމެދު ތުހުމަތުކުރެވިފައިވާ މައްސަލާގައި އިދާރީ އަދި މަދަނީ މިންގަ ނޑުން އެކުށެއް ސާބިތުވާކަމަށް ފެނިއްޖެނަމަ، މި ގަވާއިދުގެ 28 ވަނަ ޗެޕްޓަރުގައިވާ ގޮތުގެ މަތީން ލަސް ކުރުމަކާ ނުލައި އިސްލާހީ ފިޔަވަޅު އަޅަން ވާނެއެވެ.
260 ވަނަ މާއްދާ - ތަހުގީގު މަރުހަލާގައި އަދި ށަރުއީ މަރުހަލާގައި މުސާރަ ލިބޭގޮތަށް ނުވަތަ މުސާރަ ނުލިބޭގޮތަށް މުވައްޒަފެއް އޮފީހަށް ނުކުތުން މަނާ ކުރުން
(ހ) އިދާރީގޮތުން މައްސަލަ ބެލުމަށް ނުވަތަ ފުލުހުން ނުވަތަ އެފަދަ ފަރާތަކުން ތަހުގީގެއް ކުރުމަށް މި ގަވާއިދުގެ 258 ވަނަ މާއްދާގެ (ނ) ގައިވާ ހާލަތެއް ނުވަތަ 259 ވަނަ މާއްދާގައިވާ ހާލަތެއްގެ ދަށުން މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރެވޭނީ، 258 ވަނަ މާއްދާގެ (ހ) ގައިވާ މުއްދަތުގައި މުސާރަ ލިބޭގޮތަށެވެ.
(ށ) 258 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިދޭ މުއްދަތުގެ ތެރޭގައި އޮފީސް މާހައުލުގެ ތެރޭގައި ހިންގާފައިވާ ކަމެއް އިދާރީ ގޮތުން މައްސަލަ ބަލައި ނުވަތަ ފުލުހުންގެ ނުވަތަ އެފަދަ ފަރާތަކުން ކުރާ ތަހުގީގު ނިމިފައި ނުވާނަމަ، މުވައްޒަފު އޮފީހަށް ނުކުތުމަށް ހުއްދަ ދިނުމުގެ ކުރިން އެ މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރި ހާލަތު ބަދަލުނުވެ ދެމިއޮތްކަމަށް ބަޔާންކޮށް އެ އޮފީހަކުން ނުވަތަ ފުލުހުންގެ އިދާރާ މެދުވެރިކޮށް ނުވަތަ އެފަދަ ފަރާތަކުން ބަލަމުންދާ މައްސަލައަށް ނުވަތަ ތަހުގީގަށް ހުރަސް އެޅި ދާނެކަމަށް ބަޔާންކޮށް އެ ފަރާތެއް މެދުވެރިކޮށް ނުވަތަ 258 ވަނަ މާއްދާގެ (ނ) ގައިވާ ހާލަތެއް ދެމިއޮތްކަމަށް ބަޔާންކޮށް މުވައްޒަފު އޮފީހަށް ނުކުތުން މަނާކޮށްދެއްވުން އެދި ކޮމިށަނަށް ލިޔުމުން ހުށަހަޅައިފިނަމަ، އެ ހުށަހެޅުމަށް ރިއާޔަތްކޮށް ގަވާއިދުގައިވާ ގޮތުގެ މަތީން މުސާރަ ލިބޭގޮތަށް އޮފީހަށް ނުކުތުން މަނާ ކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރީން، މުސާރަ ނުލިބޭގޮތަށް ފަހަރަކު 30 ދުވަހުގެ މުއްދަތަށް، އެކު ޖުމުލަ ގިނަވަގެން 90 (ނުވަދިހަ) ދުވަހުގެ މުއްދަތަށްވުރެ އިތުރުނުވާ ގޮތެއްގެމަތީން އޮފީހަށް ނުކުތުން މަނާ ކުރުމަށް ކަނޑައަޅައި ލިޔުން އެ އިދާރާއަކަށް ކޮމިށަނުން ފޮނުވި ދާނެއެވެ. އަދިއެ އިދާރާއެއްގެ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ މެދުވެރިކޮށްއެ މުވައްޒަފަށް ލިޔުމުން ދޭން ވާނެއެވެ.
(ނ) މުވައްޒަފު އޮފީހަށް ނުކުތުން މަނާ ކޮށްފައިވާ މުއްދަތުގެ ތެރޭގައި މުވައްޒަފު އޮފީހުގެ މަސައްކަތަށް ނެރުމާމެދު، މި ގަވާއިދުގެ 259 ވަނަ މާއްދާގެ (ވ) ގައިވާ ގޮތުގެ މަތީން މައްސަލަ ބެލުމަށްފަހު، ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ އެ އިދާރާއެއްގެ އެޗް.އާރު.އެމް.ޑީ ކޮމިޓީގެ މަށްވަރާގެ މަތީން އެ މުވައްޒަފާމެދު އިސްލާހީ ފިޔަވަޅެއް އެޅުމަށް ނިންމައިފި ހިނދެއްގައި، ގަވާއިދުގައިވާ ގޮތުގެ މަތީން އެ ފިޔަވަޅެއް އަޅައި އޮފީހަށް ނުކުތުން މަނާ ކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރީން އޮފީހަށް ނެރުމާމެދު ގޮތެއް ކަނޑައަޅައި ތަންފީޒުކޮށް ނިންމަން ވާނެއެވެ.
(ރ) އޮފީހަށް ނުކުތުން މަނާ ކޮށްފައިވާ މުއްދަތުގެ 30 (ތިރީސް) ދުވަހުގެ ބާކީ އޮތް ކަމުގައި ވީ ނަމަވެސް، ވީ އެންމެ އަވަހަކަށް މައްސަލައާމެދު ގޮތެއް ނިންމުމަށް ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ މަސައްކަތް ކުރަން ވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގެ ދަށުން މުވައްޒަފުގެ މައްޗަށް ތުހުމަތު ކުރެވުނު ކަމެއް ސާބިތުވެއްޖެ ހިނދެއްގައި، އިސްލާހީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއަށް ނުކުތުން މަނާ ކުރުމަށް (ސަސްޕެންޑް ކުރުމަށް) ނިންމާ މައްސަލަތަކުގައި އަމަލު ކުރާނީ، ޗެޕްޓަރު 28 ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ޅ) މި ގަވާއިދުގެ ދަށުން އޮފީހަށް ނުކުތުން މަނާ ކޮށްފައިވާ މުވައްޒަފެއް ވަޒީފާ އަދާ ކުރާ އޮފީސް ގާއިމުވެފައިވާ ރަށުން ފުރައިގެންދާންވާނީ ރަށުންބޭރުގައި ހޭދަވާނެ މުއްދަތު ބަޔާންކޮށް އެ އޮފީހަކަށް ލިޔުމުން އެކަން އެންގުމަށްފަހުގައެވެ. އަދި އެނބުރި އައުމަށްފަހު އެކަން ލިޔުމުން އޮފީހަށް އަންގަން ވާނެއެވެ.
261 ވަނަ މާއްދާ - އޮފީހަށް ނުކުތުން މަނާ ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުން އަނބުރާ އޮފީހަށް ނުކުތުން
އޮފީހަށް ނުކުތުން މަނާ ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެކަން އެ މުވައްޒަފަށް ނުވަތަ އެ މުވައްޒަފުގެ އެޑްރެހަށް ލިޔުމުން އެންގުމުން، އެ އެންގުމުގައިވާ ތާރީހަށް އެ މުވައްޒަފެއް ވަޒީފާއަށް ހާޒިރުވާން ވާނެއެވެ. އަދި ގަވާއިދުގައިވާ ގޮތުގެ މަތީން ޗުއްޓީއެއް ހަމަޖެހިގެން ނުވަތަ ހާޒިރުނުވުމަށް ކުރިއަށް ހުއްދަ ލިބިގެން ނޫންގޮތެއްގައި ހާޒިރުނުވެ ހުންނަ ކޮންމެ ދުވަހަކީ، ޣައިރު ހާޒިރީއެއް ކަމަށް ރިކޯޑުކޮށް އަދި މުވައްޒަފުގެ އެ އަމަލަކީ އެ މުވައްޒަފުގެ ވަޒީފާއަށްވާ އިހުމާލެއްކަމަށް ބަލައި ގަވާއިދުގައިވާ ގޮތުގެ މަތީން އެފަދަ މުވައްޒަފާމެދު އިސްލާހީ ފިޔަވަޅު، ލަސް ކުރުމަކާނުލައި އަޅަން ވާނެއެވެ.
ޗެޕްޓަރ 28
އިސްލާހީ ފިޔަވަޅު އެޅުމާއި މާއްދީ ގެއްލުންތަކަށް ބަދަލު ނެގުން
262 ވަނަ މާއްދާ - ތައާރަފު
(ހ) ސިވިލް ސަރވިސްގައި ހިމެނޭ ކޮންމެ މުވައްޒަފަކީ ވެސް ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ގާނޫނުއަސާސީއާއި، ގާނޫނުތަކާއި، ގަވާއިދުތަކާއި، ދިވެހިރާއްޖެ ބައިވެރިވާ އަދި، ދިވެހިރާއްޖެއިން އަމަލު ކުރަންޖެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި، އެއްބަސްވުންތަކަށް ހުރުމަތްތެރިކޮށް ހިތާ، އެ މީހެއްގެ ވާޖިބުތައް އަދާ ކުރުމުގައި، އެ މީހެއްގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދޭ އެންމެ މަތީ ދަރަޖައަކަށް ހިދުމަތްކުރާ، އަދި މަސައްކަތު އަހުލާގުގެ ފުރިހަމަ ސިފަތަކުގެ މަތީގައި މަސައްކަތްކުރާ، ޕްރޮފެށަނަލް މިންގަ ނޑުތައް ހިފަހައްޓާ، އަދި އާންމު އަހުލާގު ރަނގަޅު މުވައްޒަފެއް ކަމުގައި ވާން ޖެހޭނެއެވެ. ސިވިލް ސަރވިސްގެ މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅު އެޅޭނީ ވަޒީފާއާބެހޭ ގާނޫނުގެ 19 ވަނަ މާއްދާއާއި ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 34ވަނަ މާއްދާގައިވާ ގޮތުގެ މަތީން މި ގަވާއިދުގެ ދަށުންނެވެ.
(ށ) އިސްލާހީ ފިޔަވަޅު އެޅުމުގެ ބޭނުމަކީ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދާއި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްއާއި ހިލާފުވާ މުވައްޒަފުން އިސްލާހު ކުރުމަށް ފިޔަވަޅުއެޅުމެވެ. އަދި ފިޔަވަޅު އެޅުމުންވެސް އިސްލާހު ނުވެއްޖެނަމަ ހިދުމަތުން ދުރު ކުރުމެވެ.
263 ވަނަ މާއްދާ - އިސްލާހީ ފިޔަވަޅުއެޅުން
(ހ) އިސްލާހީ ފިޔަވަޅު އެޅުމަކީ، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފެއް މަސައްކަތަށް ފަރުވާކުޑަކޮށްގެން، ޒިންމާ ނުއުފުލައިގެން، މަސައްކަތުގެ އަހުލާގު ދަށްވެގެން، ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެގެން، އެ މީހަކު ކުރި ނުވަތަ ނުކުރި އަމަލެއްގެ ކުޑަބޮޑު މިނަށް ބަލައިގެން، އެކަމެއް ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމެވެ.
(ށ) ޕަރމަނަންޓް ސެކްރެޓަރީ އަދި ޒިންމާދާރު އިސްވެރިން ފިޔަވައި އެހެން މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅެއް އަޅަންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ނުވަތަ އެފަދަ އަމަލެއް ކޮށްފިނަމަ އެ މުވައްޒަފުގެ ސުޕަވައިޒަރު ނުވަތަ ހަވާލުވެހުރި ފަރާތުން އިސްލާހީ ފިޔަވަޅު އަޅަން ވާނެއެވެ.
(ނ) އިސްލާހީ ފިޔަވަޅެއް އަޅަންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ނުވަތަ އެފަދަ އަމަލެއް ކޮށްފައިވަނީ ޕަރމަނަންޓް ސެކްރެޓަރީ، ޒިންމާދާރު އިސްވެރިޔާ ކަމުގައި ވާނަމަ އެ ފަރާތަކާމެދު އިސްލާހީ ފިޔަވަޅުއަޅާނީ ސިވިލް ސަރިވސް ކޮމިށަނުންނެވެ. ނަމަވެސްމިނިސްޓްރީއެއްގެ ދަށުގައިވާ އިދާރާއެއްގެ ޒިންމާދާރު އިސްވެރިއެއްނަމަ އެފަދަ ޒިންމާދާރު އިސްވެރިއަކާމެދު ފިޔަވަޅު އަޅާނީ އެ ޒިންމާދާރު އިސްވެރިއެއްގެ ޕަރމަނަންޓް ސެކްރެޓަރީއެވެ.
(ރ) މުވައްޒަފާމެދު އިސްލާހީ ފިޔަވަޅު އެޅިއްޖެނަމަ، އެ ފިޔަވަޅެއްގެ މައުލޫމާތުއެ މުވައްޒަފެއްގެ ޕަރސަނަލް ފައިލުގައި ފައިލް ކުރަން ވާނެއެވެ. އަދި މުވައްޒަފާމެދު އެޅޭ ފިޔަވަޅުގެ ކޮޕީއެއް، ފިޔަވަޅު އެޅޭ ތާރީހުގައި އެ މުވައްޒަފާ ހަވާލުކުރަންވާނެއެވެ.
(ބ) މުވައްޒަފަކަށް އަޅާ ފިޔަވަޅުތައް ރައްކާތެރިކަމާއެކު ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ ނުވަތަ އެ ދެފަރާތުންކުރެ ފަރާތަކުން އެކަން ހަވާލު ކޮށްފައިވާ މުވައްޒަފު ފައިލުކޮށް ބަލަހައްޓަން ވާނެއެވެ. އަދި އެ މައުލޫމާތު މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ފޮނުވަން ވާނެއެވެ.
264 ވަނަ މާއްދާ - އިސްލާހީ ފިޔަވަޅު އެޅުމުގެ ކުރިން މުވައްޒަފަށް މަގުދެއްކުން
މުވައްޒަފުންގެ މަސައްކަތުގެ އަހުލާގު ރަނގަޅު ކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް، އަދި ދުޅަހެޔޮ މަސައްކަތުގެ މާހައުލެއް ގާއިމު ކުރުމަށް، އެ މުވައްޒަފެއްގެ ސުޕަވައިޒަރު ނުވަތަ އެ މުވައްޒަފެއްގެ މަސައްކަތް ބެލެހެއްޓުމާ ހަވާލުވެ ހުރި ފަރާތަކުން މުވައްޒަފުންގެ މަސައްކަތް ބަލައި، ވަގުތުން ވަގުތަށް މުވައްޒަފަށް މަގުދައްކައި އިރުށާދު ދޭން ވާނެއެވެ.
265 ވަނަ މާއްދާ - އަނގަބަހުން ނަސޭހަތް ދިނުން
(ހ) އަނގަބަހުން ނަސޭހަތް ދިނުމަކީ އެ މުވައްޒަފުގެ ސުޕަރވައިޒަރު ނުވަތަ މުވައްޒަފުގެ މަސައްކަތް ބެލެހެއްޓުމާ ހަވާލުވެހުރި ފަރާތުން އެކަން އެ މުވައްޒަފަކަށް އެންގުމެވެ. އަނގަބަހުން ދޭ ނަސޭހަތް އޮންނަންވާނެ ގޮތުގެ ނަމޫނާ ޖަދުވަލު 24 ގައި އެވަނީއެވެ.
(ށ) މިފިޔަވަޅު އަޅާނީ މުވައްޒަފު ކުރާ އާދައިގެ ކުދިކުދި ކުށްތަކާއި، އެ ކުށެއްގެ ކުޑަ ބޮޑުމިނަށް ބަލައި ކުށުގެ ދަރަޖަ 1 ގައިވާ ކުށްތައް އިސްލާހު ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ.
(ނ) އަނގަބަހުން އިސްލާހުވުމަށް ނަސޭހަތްތެރި ވެވޭނީ 1 ފަހަރުއެވެ. އަނގަބަހުން ނަސޭހަތް ދިނުމަށްފަހު ދެން ނަސޭހަތް ދޭންވާނީ ލިޔުމުންނެވެ. މިގޮތަށް ދޭ ނަސޭހަތެއް އެ ނަސޭހަތެއް ދޭ ތާރީހުން ފެށިގެން 1 އަހަރުގެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ނުކުރާ ކަމަށްވާނަމަ، އެ މުވައްޒަފެއް އިސްލާހު ވީކަމަށް ބަލައި އެ ނަސޭހަތުގެ ލިޔުން ބާތިލުކޮށް، އެކަން މުވައްޒަފަށް ލިޔުމުން އަންގަން ވާނެއެވެ.
266 ވަނަ މާއްދާ - ލިޔުމުން ނަސޭހަތް ދިނުން
(ހ) ލިޔުމުން ނަސޭހަތް ދިނުމަކީ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ ނުވަތަ އެ ދެފަރާތުންކުރެ ފަރާތަކުން އިސްލާހީ ފިޔަވަޅު އެޅުމަށް ހަވާލު ކޮށްފައިވާ މުވައްޒަފެއް، މުވައްޒަފެއްގެ އިސްލާހީ ފިޔަވަޅާ ބެހޭގޮތުން އެ މުވައްޒަފަކަށް ރަސްމީކޮށް ލިޔުމުން އެކަން އަންގައި، އެފަދައިން އަމަލުތައް ނުބެހެއްޓުމަށް ލިއުމުން ނަސޭހަތްތެރިވުމެވެ. ލިޔުމުންދޭ ނަސޭހަތް އޮންނަންވާނެ ގޮތުގެ ނަމޫނާ ޖަދުވަލު 25 ގައި އެވަނީއެވެ.
(ށ) މިފިޔަވަޅު އަޅާނީ މުވައްޒަފު ކުރާ ކުދިކުދި ކުށްތަކާއި، އެ ކުށެއްގެ ކުޑަ ބޮޑުމިނަށް ބަލައި ކުށުގެ ދަރަޖަ 1 ގައިވާ ކުށްތައް އިސްލާހު ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ. އަދި އަނގަބަހުން ނަސޭހަތް ދެވިފައިވާ ކުށެއް ތަކުރާރުކޮށްފި ނަމަވެސް މި ފިޔަވަޅު އެޅި ދާނެއެވެ. މުވައްޒަފަކަށް، ލިޔުމުން އިސްލާހުވުމަށް ނަސޭހަތްތެރި ވެވޭނީ ގިނަވެގެން 2 (ދޭއް) ފަހަރުއެވެ.
(ނ) ލިޔުމުން 2 (ދޭއް) ފަހަރު ނަސޭހަތް ދިނުމަށްފަހު އިސްލާހު ނުވިނަމަ އެފަދަ މުވައްޒަފަކަށް ދެން ދޭންވާނީ ލިޔުމުން އިންޒާރެވެ. މިގޮތަށް ދޭ ނަސޭހަތެއް އެ ނަސޭހަތެއް ދޭ ތާރީހުން ފެށިގެން 2 އަހަރުގެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ނުކުރާ ކަމަށްވާނަމަ، އެ މުވައްޒަފެއް އިސްލާހު ވީކަމަށް ބަލައި، އެ ނަސޭހަތުގެ ލިޔުން ބާތިލުކޮށް، އެކަން މުވައްޒަފަށް ލިޔުމުން އަންގަން ވާނެއެވެ.
267 ވަނަ މާއްދާ - ލިޔުމުން އިންޒާރު ދިނުން
(ހ) ލިޔުމުން އިންޒާރު ދިނުމަކީ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ ނުވަތަ އެ ދެފަރާތުންކުރެ ފަރާތަކުން އިސްލާހީ ފިޔަވަޅު އެޅުމަށް ހަވާލު ކޮށްފައިވާ މުވައްޒަފެއް، މުވައްޒަފެއްގެ އަހުލާގު ދަށްވެ ނަސޭހަތްތެރިވުމުން ވެސް އިސްލާހު ނުވިނަމަ، ނުވަތަ މުވައްޒަފެއް ކުރިކުށަކީ ކުށުގެ ދަރަޖަ 2 ގައި ނުވަތަ 3 ގައި ހިމެނޭ ފަދަ ކުށެއްނަމަ އެކަން ތަކުރާރު ނުކުރުމަށާއި، ތަކުރާރު ކޮށްފި ނަމަ އަޅާނެ ފިޔަވަޅު ބަޔާންކޮށް ލިއުމެއް ދިނުމެވެ. ލިޔުމުންދޭ އިންޒާރު އޮންނަންވާނެ ގޮތުގެ ނަމޫނާ ޖަދުވަލު 26 ގައި އެވަނީއެވެ.
(ށ) ލިޔުމުން ދޭ އިންޒާރުގައި ކުށް ތަކުރާރު ކޮށްފިނަމަ، އިތުރު އިންޒާރެއް ދިނުމަކާނުލައި ވަޒީފާގެ ފަންތި ދަށްކުރެވި ދާނެކަން ނުވަތަ ވަޒީފާއަށް ނުކުތުން މަނާކުރެވި ދާނެކަން ނުވަތަ ވަޒީފާއިން ވަކިކުރެވި ދާނެކަން ބަޔާން ކުރަން ވާނެއެވެ.
(ނ) މުވައްޒަފަކަށް، ލިޔުމުން އިސްލާހުވުމަށް އިންޒާރު ދޭނީ 1( އެކެއް( ފަހަރުއެވެ. މިގޮތަށް ދޭ އިންޒާރެއް އިންޒާރުދޭ ތާރީހުން ފެށިގެން 3 އަހަރުގެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ނުކުރާ ކަމަށްވާނަމަ، އެ މުވައްޒަފެއް އިސްލާހުވީކަމަށް ބަލައި، އެ އިންޒާރުގެ ލިޔުން ބާތިލުކޮށް އެކަން މުވައްޒަފަށް ލިޔުމުން އަންގަން ވާނެއެވެ.
268 ވަނަ މާއްދާ - ވަކި މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ ހުރުމަށް އެންގުން
(ހ) ވަކި މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ ހުރުމަށް އެންގުމަކީ، ކުށުގެ ދަރަޖަ 2 އަދި 3 ގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމުގެ ސަބަބުން އެކުށުގެ ކުޑަބޮޑުމިނަށް ބަލައި އެ މުވައްޒަފެއް ވަޒީފާއަށް ނެރުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި، އޮފީހުގެ މަސައްކަތަށް ނުރަގަނޅު އަސަރު ކޮށްފާނެ ކަމަކަށްވާތީވެ، އެ މުވައްޒަފަކަށް މުސާރަ ލިބޭގޮތަށް ނުވަތަ ނުލިބޭ ގޮތަށް ވަޒީފާއަށް ނުކުތުން މަނާކޮށް އެކަން އޭނާއަށް އަންގާ އެންގުމެކެވެ. މި އިސްލާހީ ފިޔަވަޅަކީ އިސްވެ ބަޔާން ކުރެވުނު އިސްލާހީ
ފިޔަވަޅުތަކަށްވުރެ ހަރުކަށި ފިޔަވަޅެކެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފިޔަވަޅެއް ސިވިލް ސަރވިސްގެ މުވައްޒަފެއްގެ މައްޗަށް އެޅޭނީ، އެ މައްސަލައެއް ކޮމިށަނަށް ލިޔެ، ކޮމިށަނުން އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ. ނަމަވެސް ކުށުގެ ދަރަޖައިގެ 2 އަދި 3 ގައި ހިމެނޭ ކުށެއް ކުރުމުގެ ސަބަބުން ކުށްކުރި މުވައްޒަފަށް ވަގުތުން އޮފީހުން ދިއުމަށް އަންގާ އެންގުން އެއީ މި ނަންބަރުގައިވާ ފިޔަވަޅުއެޅީ ކަމުގައެއް ނުބެލެވޭނެއެވެ.
(ނ) އިސްލާހީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއަށް ނުނިކުމެ ހުރުމަށް އެންގޭނީ ބަންދު ދުވަސްތައް ހިމަނައިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ މުއްދަތަށެވެ.
(ރ) މި ފިޔަވަޅު އެޅުމަށްފަހު އެކަން އެންގުމަށް ދެވޭ، ޖަދުވަލު 27 ގައިވާ "ވަޒީފާއަށް ނުނިކުމެ ހުރުމަށް އަންގާ ޗިޓު" ދާއިމީ ރިކޯޑެއްގެ ގޮތުގައި އެ މުވައްޒަފެއްގެ ޕަރސަނަލް ފައިލްގައި ފައިލު ކުރެވެން ވާނެއެވެ.
269 ވަނަ މާއްދާ - ވަޒީފާގެ ފަންތީގައި އެ މުވައްޒަފެއްގެ މަގާމު ދަށް ކުރުން
(ހ) ވަޒީފާގެ ފަންތީގައި އެ މުވައްޒަފެއްގެ މަގާމު ދަށް ކުރުމަކީ ކުށުގެ ދަރަޖަ 3 ގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމުގެ ސަބަބުން އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި އެ މުވައްޒަފެއް ހުރިފަންތީގެ މަގާމަށްވުރެ ދަށްފަންތީގެ މަގާމަކަށް ބަދަލު ކުރުމަށް އަޅާ ފިޔަވަޅެކެވެ.
(ށ) މުވައްޒަފު ހުރި މަގާމުގެ ދަށްފަންތީގެ މަގާމަކަށް މުވައްޒަފު ބަދަލު ކުރުމަށްފަހު އެފަދަ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ލިބޭނީ އެ މުވައްޒަފެއް ދަށްކުރެވުނު މަގާމުގެ ފަންތިން ފެށިގެން، މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ. މިގޮތުން ފަންތި ދަށް ކުރެވޭނީ މަގާމެއް އޮތް ކަމުގައި ވާނަމައެވެ. ފަންތި ދަށް ކުރުމަށް މަގާމެއް ނެތް ކަމުގައި ވާނަމަ، ވަޒީފާއިން ވަކި ކުރުމަށް ހުށަހެޅި ދާނެއެވެ.
(ނ) މުވައްޒަފެއްގެ މަގާމުގެ ފަންތި ދަށްކުރެވޭނީ ވަޒީފާގެ އޮނިގަނޑުގައި ހިމެނޭ، 1( އެއް( ފަންތި ދަށުގެ މަގާމަކަށެވެ.
(ރ) މިފަދަ ފިޔަވަޅެއް ސިވިލް ސަރވިސްގެ މުވައްޒަފެއްގެ މައްޗަށް އެޅޭނީ، އެ މައްސަލައެއް ކޮމިށަނަށް ލިޔެ، ކޮމިށަނުން އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ. މިގޮތަށް އިސްލާހީ ފިޔަވަޅު އަޅައިގެން އިސްލާހު ނުވެއްޖެނަމަ، އެ މުވައްޒަފެއް ގަވާއިދުގައިވާ ގޮތުގެ މަތީން ވަޒީފާއިން ވަކި ކުރަން ވާނެއެވެ.
270 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުން
(ހ) ވަޒީފާއިން ވަކި ކުރުމަކީ ކުށުގެ ދަރަޖަ 3 ގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމުގެ ސަބަބުން އެކުށުގެ ކުޑަބޮޑުމިނަށް ބަލައި އެ މުވައްޒަފެއް ވަޒީފާގައި ބެހެއްޓުމަކީ އެކަށީގެންވާ ކަމަކަށް ނުވާނަމަ އެ މުވައްޒަފެއް ވަޒީފާއިން ވަކިކުރާ ކުރުމެވެ.
(ށ) މި ގަވާއިދުގައިވާ ގޮތުގެ މަތީން އެކިފަހަރު މަތީން ތަކުރާރުކޮށް އިސްލާހީ ފިޔަވަޅުތައް އަޅައިގެން މުވައްޒަފުގެ އަހުލާގު ރަނގަޅު ނުވެއްޖެނަމަ ވަޒީފާއިން ވަކި ކުރުމަށް ހުށަހަޅަން ވާނެއެވެ. ނުވަތަ ކުރިކުށުގެ ސަބަބުން އިތުރަށް ވަޒީފާގައި ބެހެއްޓުން އެއީ މަސައްކަތަށް ނުވަތަ އެހެން މުވައްޒަފުންނަށް ނުވަތަ ވަޒީފާ އަދާ ކުރާ ތަނަށް ގެއްލުމެއް ލިބިދާނެކަމަށް ފެންނަ ނަމަވެސް، އެ މީހަކު ވަޒީފާއިން ވަކި ކުރުމަށް ހުށަހަޅަން ވާނެއެވެ.
(ނ) ވަޒީފާއިން ވަކި ކުރުމަށް ސިވިލް ސަރވިސް ކޮމިށަނަށް ހުށަހަޅާއިރު، އެ މުވައްޒަފެއް ކޮށްފައިވާ ކުށްތަކާއި، އެ މުވައްޒަފަކާމެދު އަޅައިފައިވާ އިސްލާހީ ފިޔަވަޅުތަކާއި، އިސްލާހުވުމަށް ދިން މުއްދަތުގެ ތަފުސީލު ހުށަހަޅަން ވާނެއެވެ.
(ރ) ވަޒީފާއިން ވަކި ކުރަން ހުށަހަޅާ މުވައްޒަފާމެދު އަމަލު ކުރާނީ ވަޒީފާއިން ވަކި ކުރުމަށް މި ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީންނެވެ.
271 ވަނަ މާއްދާ - ވަޒީފާގެ ކުށުގެ ދަރަޖަތައް
(ހ) މި ދަރަޖައިގެ ކުށެއް ކޮށްފި ނަމަ، މުވައްޒަފަށް އަނގަބަހުން ނުވަތަ ލިޔުމުން ނަސޭހަތްދީގެން މުވައްޒަފުންނަށް އިސްލާހުވުމަށް ފުރުސަތު ދޭން ވާނެއެވެ.
ވަޒީފާގެ ކުށުގެ ދަރަޖަ 1 (އެކެއް):
- ހަވާލު ކޮށްފައިވާ މަސައްކަތަށް ފަރުވާ ކުޑަ ކުރުމާއި ވަޒީފާގެ ޒިންމާ އުފުލުމުގައި ފަރުވާ ކުޑަ ކުރުން.
- ހަވާލުކުރެވޭ މަސައްކަތްތައް އެ މަސައްކަތެއް ނިންމަންޖެހޭ އަވަސް މިނުގައި ޒިންމާދާރު ކަމާއެކު ނުކުރެވުން.
- ވަޒީފާއަށް ހާޒިރު ވުމުގައި:
3.1 މަހެއްގެ ތެރޭގައި 5 (ފަހެއް) ދުވަހު ގަޑިޖެހި، ގަޑި ޖެހުނު މިނެޓުގެ އަދަދު 30 މިނުޓަށްވުރެ އިތުރުވުން. ނުވަތަ
3.2 އަހަރު ދުވަހުގެ ތެރޭގައި 15 ދުވަހު ގަޑިޖެހި، ގަޑިޖެހުނު މިނެޓުގެ އަދަދު 75 މިނެޓަށްވުރެ އިތުރުވުން. ނުވަތަ
3.3 1 (އެކެއް) ދުވަހު ވަޒީފާއަށް ހާޒިރު ނުވުން. - މަސައްކަތު ދާއިރާގައި މުވައްޒަފު ދޭންޖެހޭ އެއްބާރުލުމާއި އަމުރަށާއި އެންގުންތަކަށް ކިޔަމަންތެރިކަން ކުޑަވުން.
- ކަނޑައަޅައިފައިވާ މަސައްކަތުގަޑީގައި:
5.1 މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަނުން ހުއްދަނެތި ބޭރުގައި އުޅުން.
5.2 އަމިއްލަ މަސައްކަތް ކުރުން.
5.3 އަމިއްލަ ކަންކަމުގައި ވަގުތު ހޭދަ ކުރުމާއި ވަގުތު ބޭކާރު ކުރުން. - އެ މުވައްޒަފު ހަވާލުވާ މަސައްކަތް ކަނޑައަޅާ ފެންވަރަށް އަދި ކަނޑައަޅާ މުއްދަތަށް ނުނިންމުން.
- ޗުއްޓީ ނެގުމުގައި:
7.1 ބަލިނުވެ ސަލާމުގެ ޗުއްޓީ ނެގުން.
7.2 ބަލިވެގެން ވެސް އޮފީހަށް ނާންގައި ސަލާމުގެ ޗުއްޓީގައި ހުރުން.
7.3 އާއިލީ ޒިންމާގެ ޗުއްޓީ ނެގުމުގައި އޮޅުވައިލުން.
7.4 އެކިއެކި ޗުއްޓީ ނެގުމުގައި މަކަރު ހެދުމާއި، އޮޅުވައިލުން.
7.5 ޗުއްޓީގެ ފުރުސަތު ނުވަތަ އިނާޔަތް ނަހަމަ ގޮތުގައި ބޭނުން ކުރުން، ނުވަތަ އެއިން ކަމެއް ކުރަން އުޅުން. - މުޖުތަމައުގެ އާންމު އަހުލާގީ މިންގަ ނޑަށްވުރެ ދަށްފަންތީގެ އަމަލު ކުރުމާއި ވާހަކަ ދެއްކުމުގަޔާއި މުހާތަބު ކުރުމުގައި ހަޑިހުތުރު ބަހުރަވަ ބޭނުން ކުރުން.
- އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަތައް ދެއްކުން.
- އޮފީހުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށާއި، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް ވާހަކަ ދައްކައި، ހީ ސަމާސާ ކުރުން.
- ވަޒީފާ އަދާ ކުރުމުގައި އިހުމާލުވުން ނުވަތަ ފަރުވާ ކުޑަވުން.
- ސަރުކާރުގެ އުޅަނދެއް ދުއްވުމުގައި ނުވަތަ ބޭނުން ކުރުމުގައި ގަވާއިދުތަކާ ހިލާފުވެ ކުށްވެރިވުން (ކުށުގެ އަދަބެއްގެ ގޮތުގައި ށަރީއަތުން ކަނޑައެޅީ ޖަލަށްލުން، އަރުވާލުން، ނުވަތަ ގޭބަންދު ކުރުމަށް ވުރެ ކުޑަ އަދަބެއްނަމަ).
- މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދިދާ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުން.
13.1 އެހެން މުވައްޒަފެއް ކުރާކަމެއްގެ ވާހަކަ ކަމާ ގުޅުން ނެތް ފަރާތްތަކަށް ހިއްސާ ކުރުން.
13.2 މުވައްޒަފެއްގެ ޒާތީ ކަންތައްތަކުގެ ވާހަކަ އެހެން މުވައްޒަފުންގެ ކައިރީގައި ދެއްކުން.
(ށ) މި ދަރަޖައިގެ ކުށެއް ކޮށްފި ނަމަ، އިސްލާހު ވުމަށް ފުރުސަތުދީ ތަކުރާރުވާނަމަ، ވަޒީފާގެ ފަންތީގައި އެ މުވައްޒަފެއްގެ މަގާމު ދަށްކުރެވިދާނެކަމާއި، ވަކި މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ ހުރުމަށް އެންގިދާނެކަން ނުވަތަ ވަޒީފާއިން ވަކި ކުރުމަށް ހުށަހެޅޭނެކަން އަންގައި އިންޒާރު ކުރެވޭނެއެވެ.
ވަޒީފާގެ ކުށުގެ ދަރަޖަ 2 (ދޭއް):
- ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި، ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާއި، ކޮމިށަންގެ ސަރކިއުލަރތަކާއި އެންގުންތަކާއި އެ މުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހުން ހަދާފައިވާ ގަވާއިދާއި، މި ގަވާއިދާ ހިލާފުނުވާ ގޮތުގެ މަތީން އެކަށައަޅާފައިވާ ޕޮލިސީތަކާ؛
1.1 ގަސްތުގައި ހިލާފުވުން.
1.2 އެއިންކަމަކަށް އިހުމާލުވުން.
1.3 ފަރުވާކުޑަ ކުރުމުގެ ސަބަބުން އެއިން ގާނޫނަކާ ނުވަތަ ގަވާއިދަކާ ނުވަތަ ޕޮލިސީއަކާ ހިލާފުވުން. - ވަޒީފާއަށް ހާޒިރު ވުމުގައި:
2.1 އަހަރު ދުވަހުގެ ތެރޭގައި 30 (ތިރީސް) ދުވަހު ގަޑިޖެހި، ގަޑި ޖެހުނު މިނެޓުގެ އަދަދު 150 މިނުޓަށްވުރެ އިތުރުވުން. ނުވަތަ
2.2 މި ގަވާއިދުގައިވާ ގޮތުގެ މަތީން އެންގުމަކާ ނުލައި ވިދި ވިދިގެން 3 (ތިނެއް) ދުވަހަށް، ވަޒީފާއަށް ހާޒިރުނުވެ ހުރުން. ނުވަތަ
3.2 .މި ގަވާއިދުގައިވާ ގޮތުގެ މަތީން އެންގުމަކާ ނުލައި އަހަރު ދުވަހުގެ ތެރޭގައި 5 ދުވަހު ވަޒީފާއަށް ހާޒިރުނުވެ ހުރުން. - ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތަށް މުވައްޒަފުގެ އިސްކޮށް ހުންނަ ވެރިޔަކު ދޭ އިރުށާދަކާ އެއްގޮތްވާ ގޮތުގެ މަތީން މަސައްކަތް ގަސްތުގައި ނުކުރުން، ނުވަތަ ކުރުމުގައި އިހުމާލުވުން.
- ކަނޑައަޅާފައިވާ މަސައްކަތުގަޑި ނިމުމުގެ ކުރީން ހުއްދަނެތި މަސައްކަތް ކުރާތަނުން ދިޔުން.
- އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމާއި، ސިޔާސީ ބަހުޘް ކުރުން.
- އެއްބަސްވެފައިވާ ގޮތުގެ މަތީން މަސައްކަތުގަޑީގެ އިތުރުން އިތުރުގަޑީގައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އެންގުމުން އެކަމަށް އިންކާރު ކުރުން.
- މަސައްކަތުގެ ދާއިރާގައި އެހެން މުވައްޒަފުންނާއެކު ގުޅިގެން ކުރަންޖެހޭފަދަ މަސައްކަތްތައް ނުކުރުން.
- ނަހަމަގޮތުގައި ސަރުކާރުގެ މުދަލާއި، ފައިސާއާއި، އޮފީހުގެ އެންމެހައި ވަސީލަތްތައް ބޭނުން ކުރުން.
- މި ގަވާއިދާ ހިލާފަށް މުވައްޒަފުންގެ ޒާތީ މައުލޫމާތު ހާމަ ކުރުން.
- މަސައްކަތު ވަގުތުގައި ސިޔާސީ ހަރަކާތެއް ހިންގުން ނުވަތަ ބައިވެރިވުން.
- ހަށިގަ ނޑަށް ގެއްލުން ނުލިބޭ ފަދަ މަސައްކަތެއްކުރި ކަމުގައި ވީ ނަމަވެސް އެ މަސައްކަތެއްގައި ގެންގުޅެންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި އިހުމާލުވުން.
- މަސައްކަތު ގަޑީގައި ނިދުން.
- އެނގިހުރެ ގަސްތުގައި މަސައްކަތުގެ ދާއިރާގައި މުވައްޒަފު ހާމަ ކުރަންޖެހޭ އެއްވެސް މައުލޫމާތެއް ހާމަނުކުރުން.
- މާރާމާރީ ހިންގުން ނުވަތަ އެހެން މުވައްޒަފަކަށް އަނިޔާއެއްވެދާ ފަދަ އަމަލެއް ކުރުން.
- ކުށުގެ ދަރަޖަ 1 ގައިވާ ކުށްތައް އިސްލާހު ނުވެ ތަކުރާރުވުން.
(ނ) މި ދަރަޖައިގެ ކުށެއް ކޮށްފިނަމަ، އެކުށެއްގެ ކުޑަ ބޮޑު މިނަށް ބަލައި، ވަޒީފާގެ ފަންތި ދަށް ކުރުން، ވަޒީފާއަށް ނުކުތުން މަނާ ކުރުން ނުވަތަ އެންމެ ފުރަތަމަ ފަހަރުންވެސް ގަވާއިދުގައިވާ ގޮތުގެ މަތީން ވަޒީފާއިން ވަކި ކުރެވި ދާނެއެވެ.
ވަޒީފާގެ ކުށުގެ ދަރަޖަ 3 (ތިނެއް):
- އިސްލާހީ ފިޔަވަޅު އަޅަންޖެހޭ ފަދަ މުވައްޒަފަށް އެފަދަ ފިޔަވަޅެއް އެޅުމުގައި އިހުމާލުވުން.
- ވަޒީފާއަށް ހާޒިރު ވުމުގައި:
2.1 އަހަރެއްގެ ތެރޭގައި 60 (ފަސްދޮޅަސް) ދުވަހު ގަޑިޖެހި، ގަޑި ޖެހުނު މިނެޓުގެ އަދަދު 300 މިނެޓަށްވުރެ އިތުރުވުން. ނުވަތަ
2.2 މި ގަވާއިދުގައިވާ ގޮތުގެ މަތީން އެންގުމަކާ ނުލައި ވިދި ވިދިގެން 7 (ހަތެއް) ދުވަހަށް، ވަޒީފާއަށް ހާޒިރުނުވެ ހުރުން. ނުވަތަ
2.3 މި ގަވާއިދުގައިވާ ގޮތުގެ މަތީން އެންގުމަކާއި ނުލައި އަހަރު ދުވަހުގެ ތެރޭގައި 15 ދުވަހު ވަޒީފާއަށް ހާޒިރުނުވެ ހުރުން. - މި ގަވާއިދާ ހިލާފަށް އެއްވެސް ފަރާތެއް ވަޒީފާގައި ގެންގުޅުން އަދި އެފަދަ ފަރާތެއް ގެންގުޅުމަށް ހުއްދަ ދިނުން.
- ސަރުކާރުގެ ލިޔެކިޔުމެއް ނުވަތަ އޮފީހުގެ ލިޔެކިޔުމެއްގެ އަސްލު އޮޅުވާލައި، ބަދަލު ކުރުން. މީގެތެރޭގައި،
4.1 އެ މީހަކު މަސައްކަތުގައި ގެންގުޅެންޖެހޭ ލިޔުން.
4.2 އޮފީހަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ލިޔުން.
4.3 ހާޒިރީ ރިޕޯޓު.
4.4 ވައުޗަރ.
4.5 ޗުއްޓީގެ ރިކޯޑްސް.
4.6 އިތުރުގަޑީގެ ހާޒިރީ ފަދަ އޮފީހުގެ ލިޔެކިއުންތައް ހިމެނެއެވެ. - ގާނޫނާއި ގަވާއިދާ ހިލާފަށް ދައުލަތުގެ ސިއްރު މައުލޫމާތު؛
5.1 ހާމަ ކުރުން.
5.2 ދޫކުރުން.
5.3 ބޭރު ކުރުން.
5.4 ކޮޕީހެދުން.
5.5 ރިކޯޑު ކުރުން.
5.6 ނުވަތަ މިއިން ކަމަކަށް މަގުފަހި ކުރުން، ނުވަތަ އެހީތެރިވެދިނުމާއި މިއިން ކަމެއް ކުރުމުގައި ބައިވެރިވުން. - ސަރުކާރުގެ މުދަލާއި، ފައިސާއާއި، އޮފީހުގެ އެންމެހައި ވަސީލަތްތައް ބޭނުން ކުރުމުގައި؛
6.1 އިހުމާލުވުން ނުވަތަ ނަހަމަގޮތުގައި އެއިން އެއްޗެއް ބޭނުން ކުރުން.
6.2 ނުވަތަ އެއިން އެއްޗެއް އަމިއްލަކަމަކަށް ބޭނުން ކުރުން.
6.3 ނުވަތަ އެއިން އެއްޗަކަށް ގެއްލުމެއް ދިނުން.
6.4 ނުވަތަ އެއިން އެއްޗަކަށް ގެއްލުން ވެދާނެ ފަދަ ގޮތަކަށް އަމަލު ކުރުން. - ރިށްވަތު ހިފުން، ނުވަތަ އެ ނޫންވެސް އެފަދަ ހަދިޔާއެއް ލިބިގަތުން، ނުވަތަ އެއްޗެއް ނުވަތަ އަގުނެގޭ ހިދުމަތެއް އަގުއަދާނުކޮށް ލިބިގަތުން.
- އެ މީހަކަށް ލިބިފައިވާ މަގާމުގެ އިހުތިޔާރު، ގަސްތުގައި، ނާޖާއިޒު ގޮތެއްގައި ތިމާގެ ނުވަތަ ހައްގު ނޫން ފަރާތެއްގެ ފައިދާއަށް ނުވަތަ މަސްލަހަތަށް ބޭނުން ކުރުން ނުވަތަ ބޭނުން ކުރަން އުޅުން.
- ދައުލަތާއި، ސަރުކާރާއި، އޮފީސް ބަދުނާމުވާ ފަދަ ކަމެއް ކުރުން. ނަމަވެސް، އެކަމަކީ ތެދުވެރިކަމާއި އިހުލާސްތެރި ކަމާއެކު ވަޒީފާ އަދާ ކުރުމަށްޓަކައި ކުރިކަމަކުން ނުކުތް ނަތީޖާއަކަށް ވެގެން ނުވާނެއެވެ.
- މުވައްޒަފުގެ ވަޒީފާގެ ކޮލިފިކޭށަނާ ގުޅޭ ގޮތުން ނުވަތަ ވަޒީފާގެ ވާޖިބު އަދާ ނުކުރެވޭ ގޮތަކަށް ށަރުއީ ކޯޓަކުން މުވައްޒަފުގެ މައްޗަށް ހުކުމެއް ކަނޑައެޅުން.
- ވަޒީފާ ހޯދުމަށްޓަކައި ދޮގު މައުލޫމާތު ހުށަހަޅާފައިވާކަމަށް ސާބިތުވުން.
- އެ މުވައްޒަފެއްގެ މަސައްކަތު ގަޑީގައި ސިޔާސީ ހަރަކާތެއް ހިންގުން ނުވަތަ ބައިވެރިވުން.
- މަސްތުވާ ތަކެއްޗާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 17/2011) ގެ ދަށުން ހަރުދަނާ ގަރީނާއެއް ކަމުގައި ބަލާ ގަރީނާއެއް ލިބިފައިވާ، މަސްތުވާތަކެތި ބޭނުން ކުރުމުގެ ނުވަތަ ގެންގުޅުނުކަމަށް ގާނޫނީ ގޮތުން އެ ފަދަ މައްސަލަ ބެލުން ހަވާލުވެފައިވާ އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ނުވަތަ ސިވިލް ސަރވިސް ކޮމިށަނަށް ސާބިތުވުން.
- މާރާމާރީ ހިންގުން ނުވަތަ އެހެން މުވައްޒަފަކަށް އަނިޔާއެއްވެދާ ފަދަ އަމަލެއް ތަކުރާރު ކުރުން.
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ނުވަތަ ވައްކަން، ޓެކުން، ހިޔާނާތް، މަކަރާއި ހީލަތްހެދުން ފަދަ ބޮޑުކުށެއް ކުރިކަން ށަރީއަތަށް ސާބިތުވުން.
- ހަށިގަ ނޑަށް ބޮޑެތި ގެއްލުން ލިބިދާނެފަދަ ނުރައްކާތެރި މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ފަރުވާ ކުޑަ ކުރުން ނުވަތަ އިހުމާލުވުން.
- ގާނޫނާ ގަވާއިދާ ހިލާފަށް މައުލޫމާތު ހާމަ ކުރުމާއި، މައުލޫމާތު ލިބިގަތުން.
- ގާނޫނެއްގެ ދަށުން އެ ގާނޫނެއްގެ ބެލެނިވެރިކަން ލިބިފައިވާ ފަރާތުން ކުރާ ތަހުގީގަކުން މުވައްޒަފު ކުށެއް ކޮށްފައިވާކަމަށް ސާބިތުވުން.
- ރުހުމުގައިވިޔަސް އަދި ނުރުހުމުގައި ވިޔަސް ޖިންސީ އަމަލެއް ހިންގުން.
- ކުށުގެ ދަރަޖަ 2 ގައިވާ ކުށެއް އިސްލާހު ނުވެ ތަކުރާރުވުން.
272 ވަނަ މާއްދާ - އިސްލާހީ ފިޔަވަޅު އެޅުމުގައި އަމަލު ކުރާނެ ގޮތް
(ހ) އޮފީހަށް ނުކުތުން މަނާ ކުރުން، މަގާމުގެ ފަންތި ދަށް ކުރުން އަދި ވަޒީފާއިން ވަކިކުރުން، އިސްލާހީ ފިޔަވަޅެއްގެ ގޮތުގައި މުވައްޒަފަކާމެދު އަޅާނަމަ، އެ ފިޔަވަޅެއް އަޅާނީ ސިވިލް ސަރވިސް ކޮމިށަނުންނެވެ.
(ށ) މުވައްޒަފެއްގެ މައްޗަށް މި މާއްދާގެ (ހ) ގައިވާފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ސިވިލް ސަރވިސް ކޮމިށަނުން އެ މުވައްޒަފަކަށް 5 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދޭން ވާނެއެވެ. އެ ދެވޭ ފުރުސަތުގައި އަންނަނިވި މައުލޫމާތު ހިމަނަން ވާނެއެވެ.
- ކޮމިށަނުން އަޅަން ކަނޑައަޅައިފައިވާ އިސްލާހީ ފިޔަވަޅު.
- އެފިޔަވަޅަށް އަމަލީ ސިފަ އަންނާނޭ ތާރީހު.
- ކަން ހިނގާފައިވާ ގޮތުގެ ހަގީގަތާއި ފިޔަވަޅު އަޅަންޖެހޭ ސަބަބުތައް.
- އެ މުވައްޒަފުގެ މައްޗަށް ކަނޑައެޅޭ ފިޔަވަޅުތައް ބިނާވެފައިވާ އެންމެހައި ލިޔެ ކިޔުންތައް ބެލުމުގެ ފުރުސަތު.
- އަޅައިފައިވާ އިސްލާހީ ފިޔަވަޅާ ބެހޭގޮތުން ލިޔުމުން ޖަވާބު ދިނުމުގެ ފުރުސަތު.
273 ވަނަ މާއްދާ - ވަގުތުން ފިޔަވަޅު އެޅޭނެ ހާލަތު
މުވައްޒަފެއް ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު ކުރެވޭނެ ކަމެއް ނޫން ކަމަށް ކޮމިށަނަށް ފެނިއްޖެ ނަމަ، މި ގަވާއިދުގެ 272 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަކާ ނުލައި މުވައްޒަފެއް ވަޒީފާއިން ވަކި ކުރެވޭނެއެވެ. މުވައްޒަފެއްގެ އަމަލު އެކަށީގެން ނުވާ ކަމަށް ބެލެވޭނީ އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމައެވެ.
(ހ) މުވައްޒަފުގެ ކިބައިން އެއް ގޮތަކަށްވެސް ހިދުމަތް ނުލިބުން ނުވަތަ މުވައްޒަފު ޒިންމާ ނުއުފުލުމުގެ ސަބަބުން މަސައްކަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އޮތުން.
(ށ) ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާ ކުރާ ފަރާތަށް ނުވަތަ ވަޒީފާ އަދާ ކުރާ ތަނަށް ގެއްލުން ތަކެއް ލިބިދާނެ ކަމަށް ފެނުން.
(ނ) ވަޒީފާ އަދާ ކުރާ މާހައުލުގައި ނުރައްކާތެރި އަމަލެއް ނުވަތަ ހަމަނުޖެހުމެއް ހިންގުން ނުވަތަ އެފަދަ ކަމެއް ކޮށްފާނެ ކަމުގެ އިންޒާރުދިނުން.
(ރ) މަސައްކަތަށް އައިއިރު ގާނޫނުގައި ބަޔާންކުރެވިފައިވާ ފަދަ ނުރައްކާތެރި ހަތިޔާރެއް ގެނައުން.
(ބ) މަސައްކަތުގެ މާހައުލުގައި އެހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރުން.
(ޅ) ސަރުކާރު މުދަލުން ވައްކަން ކުރުން.އެ މުވައްޒަފަކީ އެ މުވައްޒަފަކަށް ނުވަތަ އެހެން މުވައްޒަފުންނަށް ނުވަތަ އޮފީހަށް ހުރި ނުރައްކަލަކަށްވުން.
(އ) އޮފީހުގެ މުވައްޒަފުންގެ މެދުގައި މަސްލަހަތު ގެއްލޭފަދަ ބޮޑުކުށެއް ކުރުން ނުވަތަ އެފަދަ ބޮޑުކަމެއް ކުރުމުގެ ސަބަބުން އޮފީހުގެ އެހެން މުވައްޒަފުންގެ މަސައްކަތަށް ހުރަސް އެޅުން.
(ވ) މުވައްޒަފެއްގެ މައްޗަށް ކޯޓެއްގައި ޖިނާއީ ކުށެއް ސާބިތުވެ ކުށުގެ އަދަބެއްގެ ގޮތުން ޖަލަށް ލުމަށް ނުވަތަ އަރުވާލުމަށް ނުވަތަ ގޭބަންދު ކުރުމަށް ހުކުމް ކުރުން.
(މ) ޕްރޮބޭށަންގެ މުއްދަތުގައި ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމް ގަސްތުގައި މަގުބޫލު ސަބަބެއްނެތި މުވައްޒަފު ފުރިހަމަ ނު ކުރުން.
274 ވަނަ މާއްދާ - އޮފީހަށް ނުކުތުން މަނާކުރެވުނު އަދި ވަޒީފާއިން ވަކިކުރި ސަބަބު މުވައްޒަފަށް އެންގުން
މި ޗެޕްޓަރުގައިވާ ގޮތުގެ މަތީން އެއްވެސް މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރެވިއްޖެނަމަ ނުވަތަ ވަޒީފާއިން ވަކިކޮށްފިނަމަ، އޮފީހަށް ނުކުތުން މަނާކުރެވުނު ސަބަބު، ނުވަތަ ވަޒީފާއިން ވަކިކުރެވުނު ސަބަބު ލިޔުމުން އެ މުވައްޒަފަކަށް އަންގަން ވާނެއެވެ.
275 ވަނަ މާއްދާ - މާއްދީ ގެއްލުންތައް
މުވައްޒަފާ ހަވާލުކުރެވިފައިވާ ޒިންމާއެއް ގަސްތުގައި، ނުވަތަ ފަރުވާކުޑަ ކުރުމުގެ ސަބަބުން ނުވަތަ އޭނާގެ ޒިންމާ އެހެން މުވައްޒަފަކާ ހަވާލުކުރެވޭ ހިނދެއްގައި، ނުވަތަ ޒިންމާ އުފުލެން ނެތް ހިނދެއްގައި އެކަން އެ މުވައްޒަފެއް ރިޕޯޓު ކުރަންޖެހޭ ފަރާތަށް ފުރިހަމައަށް ރިޕޯޓު ނުކުރުމުން ނުވަތަ އޮފީހަށް ނާންގައި ހާޒިރު ނުވުމުގެ ސަބަބުން ނުވަތަ އޮފީހުގެ މަސައްކަތުގައި އުޅެފައި ނާންގައި ބޭރަށް ދިއުމުގެ ސަބަބުން، ނުވަތަ އެނޫންވެސް އެފަދަ ހާލަތަކާ ގުޅިގެން މުވައްޒަފުގެ އިހްމާލުން އޮފީހުގެ އެއްވެސް ސާމާނަކަށް ނުވަތަ އާލާތަކަށް ނުވަތަ އެ ނޫންވެސް ގޮތަކުން އޮފީހަށް މާއްދީ ގެއްލުމެއް ވެއްޖެ ނަމަ، ވަޒީފާއާބެހޭ ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) އާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެ މުވައްޒަފުގެ އަތުން އެ ގެއްލުމެއްގެ ބަދަލު އޮފީހަށް ނަގަން ވާނެއެވެ.
276 ވަނަ މާއްދާ - މާއްދީ ގެއްލުން ކަނޑައެޅުން
(ހ) މުވައްޒަފުގެ ފުށުން އޮފީހަށް ލިބޭ މާއްދީ ގެއްލުން ކަނޑައަޅާނީ، އެޗް.އާރު.އެމް.ޑީ ކޮމިޓީއިން އެ މައްސަލައެއް ބެލުމަށްފަހު، އެ ކޮމިޓީގެ މަށްވަރާއާއެކު އެ އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާއެވެ.
(ށ) މުވައްޒަފުގެ ފުށުން ލިބޭ މާއްދީ ގެއްލުން ކަނޑައެޅުމުގެ މައްސަލަ ނިންމުމުގައި އެ މުވައްޒަފުގެ ބަޔާން ހޯދަން ވާނެއެވެ. އަދި އެ ކަމުގައި މުވައްޒަފުގެ އިހުމާލުވުން އޮތް މިންވަރު ބަލަން ޖެހޭނެއެވެ.
277 ވަނަ މާއްދާ - މާއްދީ ގެއްލުމަށް ބަދަލު ނެގުން
(ހ) މުވައްޒަފުގެ ފުށުން ލިބުނު މާއްދީ ގެއްލުމެއްގެ ބަދަލު އެ މުވައްޒަފު އަމިއްލައަށް އެއް ފަހަރާވެސް ދެއްކި ދާނެއެވެ. ނުވަތަ އެކި މަސްތަކަށް ބަހާލައިގެން ދައްކާ ހަލާސްކުރާގޮތަށް، ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާއަށް ހަމަޖެއްސި ދާނެއެވެ.
(ށ) މުވައްޒަފެއްގެ ފުށުން ލިބުނު މާއްދީ ގެއްލުމެއްގެ ބަދަލު ނެގުމުގެ ގޮތުން އެކި މަސްތަކަށް ބަހާލައިގެން ދައްކާ ހަލާސްކުރާގޮތަށް ނެގޭ ފައިސާގެ މިންވަރު ކަނޑައަޅާނީ، އެ މުވައްޒަފުގެ މަހު މުސާރައިން %33 އަށްވުރެ އިތުރުނުވާ ގޮތުގެ މަތީން ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާއެވެ. އެ ފައިސާ މަހު މުސާރައިން %33 އަށް ވުރެ އިތުރަށް ނެގޭނީ މުވައްޒަފު އެކަމަށް އިއުތިރާޒު ނުކުރާނަމައެވެ.
278 ވަނަ މާއްދާ - މާއްދީ ގެއްލުމަށް ބަދަލު ނެގުމަށްފަހު އިސްލާހީ ފިޔަވަޅު އެޅުން
މި ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތީން މުވައްޒަފެއްގެ ކިބައިން ލިބޭ މާއްދީ ގެއްލުމަށް ބަދަލު ނެގުމުގެ ސަބަބުން މި ގަވާއިދުގައިވާ ގޮތުގެ މަތީން، އެ މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅު އެޅުމަކަށް ހުރަހެއް ނާޅައެވެ.
ޗެޕްޓަރ 29
ސިވިލް ސަރވިސް ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ބެލުން
279 ވަނަ މާއްދާ - ތައާރަފު
މި ޗެޕްޓަރަކީ، ގާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ (ކ) އާއި 18 ވަނަ މާއްދާގެ (އ) އަދި (ފ) ގައިވާ ގޮތުގެ މަތީން ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކާއި ރިޕޯޓުތައް ބަލައި ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އަދި ސަރުކާރުގެ މަސްއޫލު އޮފީސްތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިންނާއި، ޒިންމާދާރު ވެރިން އަދި ދިވެހި ސިވިލް ސަރވިސްގެ އެނޫން މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓްއާ ހިލާފަށް އަމަލު ކުރާކަމަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ބާރު ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮމިށަނަށް ލިބިދީފައިވާތީ، އެފަދަ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށްޓަކައި އެކުލަވައިލާފައިވާ ޗެޕްޓަރެކެވެ.
280 ވަނަ މާއްދާ - މަގުސަދު
މި ޗެޕްޓަރުގެ ބޭނުމަކީ، ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، އަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް އެކަށީގެންވާ އަވަސް މިނެއްގައި ބަލައި ދިރާސާކޮށް އެ މައްސަލަތަކާމެދު ގޮތެއް ނިންމުމެވެ. އަދި މުވައްޒަފުން ގާނޫނާއި ގަވާއިދާއި ކޯޑު އޮފް ކޮންޑަކްޓްއާ ހިލާފުވުމަށް ދިމާވާ ސަބަބުތައް ދެނެގަނެ މުވައްޒަފުން އިސްލާހުކޮށް، އެ މުވައްޒަފުންނަކީ އެ މީހުންގެ މަސައްކަތުގެ އަހުލާގުގެ އެންމެ ރަނގަޅު މިންގަ ނޑުތައް ދަމަހައްޓާ ނަތީޖާނެރެވޭ ބަޔަކަށް ހެދުމެވެ.
281 ވަނަ މާއްދާ - ކޮމިށަނުން ބަލާ މައްސަލަ
ކޮމިށަނުން ބަލާނީ، ތިރީގައި ބަޔާންކުރާ މައްސަލަތަކެވެ.
(ހ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނު ގެ 18 ވަނަ މާއްދާގެ (އ) ގައިވާ ގޮތުގެ މަތީން، މުވައްޒަފާ ގުޅޭ ގޮތުން ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔަކު ނިންމާ ނިންމުމަކާ ބެހޭގޮތުން އެ މުވައްޒަފެއް ހިތްހަމަ ޖެހޭ ނަތީޖާ ހާސިލުނުވެގެން އެނިންމުން އިލްތިމާސް ކުރުމަށް އެދި އެނިންމުމެއް ނިންމާ ތާރީހުން ފެށިގެން ބަންދު ދުވަސްތައް ނުހިމަނައި 3 (ތިނެއް) މަސްދުވަސް ފުރިހަމަ ނުވާ މައްސަލަތައް.
(ށ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނު ގެ 18 ވަނަ މާއްދާގެ (ފ) ގައިވާ ގޮތުގެ މަތީން، ސަރުކާރުގެ މަސްއޫލު އޮފީސްތަކުގެ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިން ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދާއި އަދި ކޯޑް އޮފް ކޮންޑަކްޓާ ހިލާފަށް އަމަލުކުރާ ކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތު ކުރެވިގެން ހުށަހެޅޭ މައްސަލަތައް.
(ނ) މި ގަވާއިދުގައި ކޮމިށަނުން ބެލުމަށް ކަނޑައަޅައިފައިވާ ކޮންމެ މައްސަލައެއް.
282 ވަނަ މާއްދާ - ކޮމިށަނުން ނުބެލޭނެ މައްސަލަ
ކޮމިށަނުން ނުބެލޭނެ މައްސަލަތައް ތިރީގައި މިވަނީއެވެ.
(ހ) މި ގަވާއިދުގެ 281 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ މައްސަލަތައް ފިޔަވައި އެހެން މައްސަލައެއް.
(ށ) މި ގަވާއިދުގެ 281 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ މައްސަލަތަކުންކުރެ މައްސަލައެއް ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުވަތަ ދިވެހިރާއްޖޭގެ ށަރުއީ ކޯޓަކުން ބަލަމުންގެންދާނަމަ، ނުވަތަ ބަލައި ނިންމާފައިވާނަމަ އެ މައްސަލައެއް.
283 ވަނަ މާއްދާ - އިލްތިމާސް ކުރުމަށް ކޮމިށަނަށް މައްސަލައެއް ހުށަހެޅުމުގެ ކުރިން، އޮފީހުގެ ޒިންމާދާރު އިސްވެރިޔާއަށް އެ މައްސަލައެއް ހުށަހެޅުން
(ހ) މި ގަވާއިދުގެ 281 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފެއް، ގާނޫނާ ގަވާއިދާ އަދި ކޯޑު އޮފް ކޮންޑަކްޓާ ހިލާފުވުމުން، ނުވަތަ ވަޒީފާއާ ގުޅޭ ގޮތުން މުވައްޒަފުން ކުރާ ށަކުވާގެ މައްސަލަތައް އެންމެ ފުރަތަމަ ބަލާނީ، މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާން ކޮށްފައި ނުވާނަމަ، ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ ނުވަތަ އެއިން ފަރާތަކުން އެ މައްސަލައެއް ބެލުމަށް ހަވާލު ކޮށްފައިވާ ކޮމިޓީއަކުން ނުވަތަ އެ އިދާރާއެއްގައި މައްސަލަތައް ބެލުމަށް ގާއިމުކޮށްފައިވާ އުސޫލުގައިވާ ގޮތުގެމަތީންނެވެ. މިގޮތުން މައްސަލައެއް ބެލުމަށްފަހު، މައްސަލައެއްގެ ކުޑަބޮޑު މިނަށް ރިއާޔަތްކޮށް މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އަޅަންޖެހޭ އިސްލާހީ ފިޔަވަޅު އަޅާނީ އެ މުއްވައްޒަފެއް ވަޒީފާ އަދާކުރާ އިދާރާގެ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ ނުވަތަ އެއިން ފަރާތަކުން އިސްލާހީ ފިޔަވަޅު އެޅުމަށް ހަވާލު ކޮށްފައިވާ ނުވަތަ އެ އިދާރާއެއްގައި މައްސަލަތައް ބެލުމަށް ގާއިމުކޮށްފައިވާ އުސޫލުގައިވާ ގޮތުގެމަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މުވައްޒަފާ މެދު އެޅި އިސްލާހީ ފިޔަވަޅަކީ، ނުވަތަ ވަޒީފާއާ ގުޅޭ ގޮތުން މުވައްޒަފު ކުރި ށަކުވާއާ ގުޅިގެން ނިންމާފައިވާ ނިންމުމަކީ،އެ މުވައްޒަފު ހިތްހަމަޖެހޭ ފިޔަވަޅެއް ނުވަތަ ނިންމުމެއް ނޫންނަމަ، އެ ގޮތަށް ނިންމައި، މުވައްޒަފަށް އަންގާ ތާރީހުން ފެށިގެން ބަންދު ދުވަސްތައް ނުހިމެނޭގޮތުން 3 (ތިނެއް) މަސްދުވަހުގެ މުއްދަތުގެ ތެރޭގައި އެ ކަމެއް ކޮމިށަނަށް އިލްތިމާސް ކުރުމުގެ ހައްގުއެ މުވައްޒަފަށް ލިބިގެންވެއެވެ.
(ނ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފެއް، ގާނޫނާއި ނުވަތަ ގަވާއިދާ ހިލާފު ކަމެއް ކުރާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އެކަމެއް ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާއަށް ހުށަހެޅި ދާނެއެވެ. ނުވަތަ އެކަމެއް ކަމާބެހޭ ފަރާތަކަށް ހުށަހެޅި ދާނެއެވެ.
(ރ) ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދާއި އަދި ކޯޑް އޮފް ކޮންޑަކްޓާ ހިލާފުކަމެއް ކުރާކަމަށް ނުވަތަ ކުރަން އުޅޭކަމަށް
(ބ) ތުހުމަތު ކުރެވިއްޖެނަމަ، އެ މައްސަލައެއް ހުށަހަޅާނީ ސީދާ ކޮމިށަނަށެވެ. ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ ގާނޫނާ ނުވަތަ ގަވާއިދާ ހިލާފު ކަމެއް ކުރާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އެކަމެއް ދައުލަތުގެ ކަމާބެހޭ ފަރާތަކަށް ހުށަހެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
284 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން
(ހ) ކޮމިށަނަށް މައްސަލަ ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލު 28 ގައިވާ ފޯމުންނެވެ. ނުވަތަ އެފޯމާ އެއްގޮތަށް ތައްޔާރު ކޮށްފައިވާ ލިޔުމަކުންނެވެ.
(ށ) މައްސަލަ ހުށަހަޅާ ފޯމާއެކު، ހުށަހަޅާ މައްސަލައާ ގުޅޭ ލިޔުމެއް އޮތްނަމަ އެ ލިޔުމެއްގެ ކޮޕީއާއި، މައްސަލައާ ބެހޭ ގޮތުން ހުށަހަޅާ ހެތްކާއި ގަރީނާ ހުށަހަޅަން ވާނެއެވެ.
(ށ) ކޮމިށަނަށް މައްސަލަ ހުށަހަޅާއިރު، މި ގަވާއިދުގެ 283 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތީން، އެ މައްސަލައެއް ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ ނުވަތަ އެއިން ފަރާތަކުން މައްސަލަތައް ބެލުމަށް ހަވާލު ކޮށްފައިވާ ކޮމިޓީއަށް ނުވަތަ މުވައްޒަފަށް ހުށަހަޅައި، އެ ފަރާތުން އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ނުވަތަ މުވައްޒަފު ހިތްހަމަޖެހޭ ނަތީޖާ ހާސިލު ނުވިކަން އެނގޭނެ ލިޔެކިޔުންތަކާއި، ހެކި އަދި ގަރީނާ ހުށަހަޅަން ވާނެއެވެ.
285 ވަނަ މާއްދާ - ށަކުވާ ނުވަތަ ހިޔާލު ހުށަހެޅުން
ސިވިލް ސަރވިސްއިން ދޭ ހިދުމަތާ ގުޅިގެން ށަކުވާއެއް، ހިޔާލެއް ނުވަތަ ހުށަހެޅުމެއް ހުށަހަޅަން ބޭނުންވާ މުވައްޒަފުން އެފަދަ ކަމެއް ހުށަހަޅަންވާނީ އެކަމަށް ކަނޑައެޅިފައިވާ ފޯމުންނެވެ. ނަމަވެސް އާންމު ރައްޔިތުން، މި ގަވާއިދުގައިވާ ގޮތުގެ މަތީން ފޯމުން އެ ކަމެއް ހުށަހެޅުމުގެ ބަދަލުގައި ސިޓީ، އީ-މެއިލް ނުވަތަ ފެކްސްއިން ކޮމިށަނަށް ހުށަހެޅި ދާނެ އެވެ.
286 ވަނަ މާއްދާ - މައްސަލަ ބަލައިގަތުމާއި ޖަވާބު ދިނުން
(ހ) މުވައްޒަފެއް ކޮމިށަނަށް މައްސަލައެއް ހުށަހެޅުމުން، މި މާއްދާގެ (ށ) ގައިވާ މައްސަލަތައް ފިޔަވައި އެ މައްސަލައަކީ، ކޮމިށަނުން ބެލޭނެ ބާވަތުގެ މައްސަލައެއްކަން ނުވަތަ ނޫންކަން ކޮމިށަނުގެ ކަމާބެހޭ ސެކްށަނުން ކަނޑައެޅުމަށްފަހު، އެ މައްސަލައަކީމި ގަވާއިދުގައިވާ ގޮތުގެ މަތީން ބެލޭނެ ބާވަތުގެ މައްސަލައެއް ކަމަށްވާނަމަ، މައްސަލަ ބަލައިގަތްކަން މައްސަލަ ހުށަހެޅިފަރާތަށް ލިޔުމަކުން މަސައްކަތު 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އަދި އެ މައްސަލައަކީ އިތުރު ދިރާސާއެއް ކުރަން ނުޖެހި ޖަވާބު ދެވިދާނެ މައްސަލައެއް ނުވަތަ ށަކުވާއެއް ނަމަ، މައްސަލަ ބަލަމުންދާކަމަށް ޖަވާބު ދިނުމުގެ ބަދަލުގައި އެ މައްސަލައަށް ލިޔުމުން މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ. އަދި ކޮމިށަނުން ބެލޭނޭ މައްސަލައެއް ކަމުގައި ނުވާނަމަ، އެކަންވެސް އެ މައްސަލައެއް ހުށަހެޅި ފަރާތަށް ލިޔުމުން މަސައްކަތު 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އެ މައްސަލައަކީ، ގާނޫނު އަދި ގަވާއިދުގައި ހައްލު ބަޔާން ކޮށްފައި ނުވުމުން ނުވަތަ ގާނޫނު އަދި ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތާމެދު ކޮމިށަނުގެ މަށްވަރާ ލިބިގެން ނިންމަންޖެހޭ މައްސަލައެއްކަމަށް ކޮމިށަނުގެ ކަމާބެހޭ ސެކްށަނަށް ފެނިއްޖެނަމަ، އެ މައްސަލައަށް ޖަވާބެއް ދިނުމުގެ ކުރިން ކޮމިށަނަށް އެ މައްސަލައެއް ހުށަހަޅައި ކޮމިށަނުގެ މަށްވަރާއާ އެއްގޮތަށް، ލަސްނުކޮށް އެ މައްސަލައެއްގެ ޖަވާބު އެ މުވައްޒަފަކަށް ދޭން ވާނެއެވެ.
(ށ) ޕަރމަނަންޓް ސެކްރެޓަރީއެއް ނުވަތަ ޒިންމާދާރު އިސްވެރިއަކާ ބެހޭގޮތުން އެ އޮފީހެއްގެ އެންމެ އިސްވެރިއެއްގެ ފަރާތުން (މިނިސްޓަރު ނުވަތަ ކައުންސިލަރު ފަދަ އިސްވެރިއެއްގެ ފަރާތުން) ހުށަހަޅާފައިވާ މައްސަލައެއް ނަމަ، އެ މައްސަލައެއް ބަލައި ކުރިއަށް ގެންދިޔުމާމެދު މި ގަވާއިދު ގައިވާ ގޮތުގެ މަތީން ގޮތެއް ނިންމާނީ ކޮމިށަނުންނެވެ.
287 ވަނަ މާއްދާ - މައްސަލަ ބަލާ ކޮމިޓީ
(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ކޮމިށަނަށް ހުށަހެޅޭ މައްސަލައެއް، އެ މައްސަލައެއްގެ ބާވަތާއި ހާލަތަށް ރިއާޔަތްކޮށް، އެ މައްސަލައެއް ތަހުގީގުކޮށް ގޮތެއް ކަނޑައެޅުމަށް ކޮމިށަނަށް ލަފަޔާއި މަށްވަރާ ދިނުމަށްޓަކައި ކޮމިޓީއެއް އެކުލަވައިލެވި ދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެކުލަވައިލާ މައްސަލަ ބަލާ ކޮމިޓީ އެކުލަވައިލާނީ ކޮމިށަނުންނެވެ. މި ކޮމިޓީގައި އެ މައްސަލައެއްގެ ކުރީގެ މަރުހަލާއެއްގައި ބައިވެރިވެފައިވާ އެއްވެސް ފަރާތެއް ހިމަނައިގެން ނުވާނެއެވެ.
(ނ) ޕަރމަނަންޓް ސެކްރެޓަރީއެއް ނުވަތަ ޒިންމާދާރު އިސްވެރިއަކާ ބެހޭގޮތުން އެ އޮފީހެއްގެ އެންމެ އިސްވެރިއެއްގެ ފަރާތުން ހުށަހަޅާ މައްސަލަތައް ފިޔަވައި މި ގަވާއިދުގެ 281 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކޮމިށަނަށް ހުށައަޅޭ މައްސަލަތައް އާންމު އުސޫލެއްގެ ގޮތުން ބަލާނީ ކޮމިށަނުގެ ކަމާބެހޭ ސެކްށަނުންނެވެ.
(ރ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ކޮމިށަނަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައަކީ މައްސަލަބަލާ ކޮމިޓީ މެދުވެރިކޮށް ބަލަންޖެހޭ މައްސަލައެއް ކަމުގައި ވާނަމަ، އެ މައްސަލައެއް ލަސްނުކޮށް މައްސަލަބަލާ ކޮމިޓީއަށް ފޮނުވަން ވާނެއެވެ.
(ބ) ކޮމިޓީން މައްސަލައެއް ބެލޭނީ މަދުވެގެން ކޮމިޓީގެ 3 (ތިނެއް) މެންބަރުންގެ ހާޒިރުގައެވެ. ކޮމިޓީން މައްސަލަ ބެލުމުގައި އިދާރީގޮތުން ހުށަހެޅޭ ލިޔުންތަކާއި ހެކިތައް ދިރާސާ ކުރުމަށްފަހު، އެ މައްސަލައެއްގައި އަމަލު ކުރުމަށް ފެންނަ ގޮތް ބަޔާންކޮށް، މައްސަލައިގެ ރިޕޯޓު ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
(ޅ) މައްސަލައިގައި މުވައްޒަފާ ސުވާލުކޮށްގެން ނުވަތަ ވަކި ފަރާތަކާ ސުވާލުކޮށްގެން ކަމެއް ސާފު ކުރަން ޖެހޭނަމަ، އެ މުވައްޒަފެއް ނުވަތަ އެ ފަރާތެއް ކޮމިށަނަށް ހާޒިރުކޮށް
288 ވަނަ މާއްދާ - މައްސަލަ ބެލުން
ކޮމިށަނަށް ހުށަހެޅޭ މައްސަލައެއް ކޮމިޓީއަށް ފޮނުވުމުން އެ މައްސަލައެއް އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި ބަލައި ނިންމައި ރިޕޯޓު ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
289 ވަނަ މާއްދާ - މައްސަލަ ބެލުމަށްފަހު އަމަލު ކުރެވޭނެ ގޮތް
(ހ) ކޮމިޓީން ބަލަމުންގެންދާ މައްސަލައެއް ތަހުގީގުކޮށް ނިމުމުން، އެ މައްސަލައެއްގެ ތަހުގީގު ރިޕޯޓު ކޮމިށަނަށް ހުށަހަޅައި، އެ މައްސަލަ ކޮމިށަނުން ދިރާސާ ކުރުމަށްފަހު، މި މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވާ މުވައްޒަފުން ފިޔަވައި އެނޫން މުވައްޒަފެއް ސިވިލް ސަރވިސް ގެ ގާނޫނާއި ގަވާއިދު އަދި ކޯޑް އޮފް ކޮންޑަކްޓްއާ ހިލާފުވެފައި ވާކަމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެ މުވައްޒަފަކާމެދު މި ގަވާއިދުގައިވާ ގޮތުގެ މަތީން އަމަލު ކުރެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކޮމިށަނުން އެ މައްސަލައެއް ބެލުމުން މައްސަލައިގެ ދިރާސާ ފުރިހަމަނޫންކަމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެ މައްސަލައެއްގައި އިތުރަށް ދިރާސާ ކުރަންޖެހޭ ކަންތައްތައް ބަޔާންކޮށް އެކަމެއް އަލުން ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވަން ވާނެއެވެ. ކޮމިޓީއަށް މައްސަލަ ލިބުމުން އަވަސް މުއްދަތެއްގެ ތެރޭގައި މައްސަލަ ބަލައި ރިޕޯޓު ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
(ނ) ކޮމިށަނަށް ހުށަހެޅޭ މައްސަލައެއް ބަލައި ނިމުމުން، އަދި ހުށަހެޅުނު މައްސަލައިގައި އެއްވެސް މުވައްޒަފެއްގެ މައްޗަށް ސިވިލް ސަރވިސް ގެ ގާނޫނާއި ގަވާއިދު އަދި ކޯޑް އޮފް ކޮންޑަކްޓްއާ ހިލާފުވެފައި ވާކަން ކޮމިށަނަށް ސާބިތު ނުވެއްޖެނަމަ، އެ މައްސަލަ ނިމުނުގޮތް އެ މުވައްޒަފަށް ލިޔުމުން އަންގައި އެ މައްސަލައެއް ފައިލު ކުރަން ވާނެއެވެ.
(ރ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދާއި އަދި ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެފައި ވާކަމަށް ސާބިތުވެފައި ވަނީ، ޕަރމަނަންޓް ސެކްރެޓަރީއެއް ނުވަތަ ޒިންމާދާރު އިސްވެރިއެއް ނަމަ، އެ މުވައްޒަފެއްގެ މައްޗަށް ފިޔަވަޅު އަޅާނީ، މި ގަވާއިދު ގައިވާ ގޮތުގެ މަތީން ކޮމިށަނުންނެވެ.
(ބ) މި މާއްދާގެ (ހ) އަދި (ރ) ގައިވާ ގޮތުގެ މަތީން މުވައްޒަފުގެ މައްޗަށް ފިޔަވަޅެއް އެޅުމުގެ ކުރިން އެފިޔަވަޅު އެޅުމަށް ނިންމާފައިވާ ސަބަބާއި، އެފިޔަވަޅު އެޅުމުގައި ބަލާފައިވާ ކަންކަމާއި، ލިޔެކިޔުންތަކާއި، އެ މައްސަލައަކާ ގުޅޭ ގޮތުން ލިބިފައިވާ ހެކިތައް އަދި ފިޔަވަޅު ބިނާ ކޮށްފައިވާ އަސާސް ނުވަތަ ބޭސިސް ބަޔާންކޮށް ލިޔުމުން މުވައްޒަފަށް ދޭން ވާނެއެވެ. އަދި އެ ލިޔުމުގައި އެ ފިޔަވަޅާމެދު އެއްވެސް ށަކުވާއެއް އޮތް ނަމަ، އެ ލިޔުމެއް މުވައްޒަފަށް ރައްދުވާ ތާރީހުން ފެށިގެން މަސައްކަތު 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަމެއް ބަޔާންކޮށް ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު މުވައްޒަފަށް ދެވިފައިވާކަމާއި، އެ މުއްދަތުގައި ޖަވާބުދާރީ ނުވިނަމަވެސް ނިންމާފައިވާ ނިންމުން
290 ވަނަ މާއްދާ - ކޮމިށަނުގެ ނިންމުމާމެދު މުވައްޒަފު ހިތްހަމަނުޖެހުން
ކޮމިށަނުން ނިންމާ ނިންމުންތަކާއި އަންގާ އެންގުންތައް ނުވަތަ މި ގަވާއިދުގެ 288 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެ މުވައްޒަފެއްގެ މައްޗަށް އަޅަން ނިންމި ފިޔަވަޅާމެދު އެ މުވައްޒަފެއް ހިތްހަމަނުޖެހޭނަމަ، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ނުވަތަ ކަމާބެހޭ ކޯޓަށް ހުށަހެޅުމުގެ ހައްގު އެ މުވައްޒަފަކަށް ލިބިގެން ވެއެވެ.
މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި
މި ގަވާއިދަށް ގެނެވުނު އިސްލާހު
9 ވަނަ އިސްލާހު
ކޮންސޮލިޑޭޓެޑް ގަވާއިދު
ސިވިލް ސަރވިސްގެ ގަވާއިދު 2014 (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-311)
ކިޔުންތެރިންގެ ހިޔާލު