-

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 2014-311) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-141)

 

ދިވެހި ސިވިލް ސަރވިސް ގެ ގާނޫނު (ގާނޫނު ނަންބަރު 2007-05) ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 2014-311) ގެ ޗެޕްޓަރ 27 އާއި، ޗެޕްޓަރ 28 އާއި، ޗެޕްޓަރ 29 އަށް އަންނަނިވި ގޮތަށް އިސްލާހުތައް ގެނައުން.

 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 60 (ފަސްދޮޅަސް) ދުވަސް ވާ ތާރީހުން ފެށިގެންނެވެ.

 

ޗެޕްޓަރ 27

އޮފީހަށް ނުކުތުން މަނާކުރުން

 

257 ވަނަ މާއްދާ - އޮފީހަށް ނުކުތުން މަނާކުރުން

ސިވިލް ސަރވިސްގެ މުވައްޒަފުން އޮފީހަށް ނުކުތުން މަނާކުރާނީ، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގެ 46 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި، ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން މުސާރަ ދޭގޮތަށް ނުވަތަ މުސާރަ ނުދޭގޮތަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

258  ވަނަ މާއްދާ - މައްސަލައެއް ބެލުމަށް ޓަކައި އޮފީހަށް ނުކުތުން މަނާކުރެވޭ ހާލަތްތައް 

ތިރީގައި މިވާ ހާލަތްތަކުގައި ސިވިލް ސަރވިސްގެ މުވައްޒަފެއްގެ މައްޗަށް ކުރެވޭ އިދާރީ މައްސަލައެއްގެ ތުހުމަތަށް އޮފީހަށް ނުކުތުން މަނާކުރެވިދާނެއެވެ. މި މާއްދާގެ ދަށުން އޮފީހަށް ނުކުތުން މަނާކޮށްފައިވާ މުވައްޒަފަށް، އެ މުއްދަތަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ލިބޭނީ ތުހުމަތުކުރެވޭ ކުށާ ގުޅިގެން މައްސަލަ ބެލުމަށްފަހު އެ މުވައްޒަފު ވަޒީފާއިން ވަކިކުރަން ނުޖެހޭނަމައެވެ.

(ހ) މުވައްޒަފަކު ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި، ގަވާއިދާއި ނުވަތަ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބެލުމަށްޓަކައި އެ މައްސަލައެއްގެ ބާވަތުން މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކުރުމަށް މި މާއްދާގެ (ށ) ނުވަތަ (ނ) ގައިވާ ފަދަ އެކަށީގެންވާ ސަބަބެއް އޮތުން.

މި އަކުރުގެ ދަށުން އެންމެ ފުރަތަމަ އޮފީހަށް ނުކުތުން މަނާކުރެވޭނީ 30 (ތިރީސް) ދުވަހުގެ މުއްދަތަށެވެ. ނަމަވެސް ތަހުގީގު ބާވަތުން އިތުރަށް އޮފީހަށް ނުކުތުން މަނާކުރަންޖެހޭ ފަދަ އެކަށީގެންވާ ސަބަބެއް އޮތްނަމަ، އެ މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކުރަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ވަޒަންކުރުމަށް ފަހު، މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކުރުމަށް އެކަށީގެންވާ ހާލަތެއް އޮތްކަމުގައި ވާނަމައެވެ.

  1. މުވައްޒަފެއްގެ ވަޒީފާއާ ގުޅުންހުރި މައްސަލައެއް ބަލަމުންދާ ވަގުތެއްގައިއެ މުވައްޒަފާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަނައްތައިލުމަށް މަސައްކަތް ކޮށްފާނެ ކަމަށް ޓަކައި؛

    މި ހާލަތުގައި އެ މުވައްޒަފަކީ އެފަދަ ހެއްކެއް ފޮރުވިދާނެ ނުވަތަ ނައްތައިލެވިދާނެ ފަދަ މަގާމެއް ނުވަތަ ވަޒީފާއެއް އަދާކުރާ މުވައްޒަފެއް ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތުން އެފަދަ ވަޒީފާއެއް އަދާކުރާ މުވައްޒަފަކަށް ވާންވާނެއެވެ.
  2. އެ މުވައްޒަފު ވަޒީފާއަށް ނުކުމެ އުޅުމުން އެ އިދާރާއަށް ނުވަތަ އެ އިދާރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް ނުވަތަ ހިދުމަތްލިބިގަންނަން އަންނަ މީހަކަށް ނުވަތަ ބަޔަކަށް އެކަށީގެންވާ ހަމަތަކަށް ބަލާއިރުސީދާ ގެއްލުމެއް ނުވަތަ މައްސަލައެއް ކުރިމަތިވެދާނެ ކަމަށް ބެލެވުން؛

    މިފަދަ މުވައްޒަފުންނަކީ ޓެރަރިޒަމްގެ ކުށްތަކާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން ނުވަތަ މަސްތުވާތަކެތި ބޭނުންކުރުން ނުވަތަ ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ފަދަ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށަކަށް ތުހުމަތުކުރެވޭ މުވައްޒަފުންނެވެ.
  3. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ރައްކައުތެރިކަން ދީފައިވާ މީހުންގެ ކަމަކާ ހަވާލުވެ ހުންނަ މީހަކު އެއިންމީހެއްގެ ރައްކައުތެރިކަމަށް އަރައިގެންފާނެކަމަށް ބެލެވުން ނުވަތައަރައިގަންނަން އުޅުން ނުވަތަ އަރައިގަތްކަމަށް ތުހުމަތު ކުރެވުން؛

    މިފަދަ މުވައްޒަފުންނަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ދަތުލަތުގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކާއި، ކުޑަކުދިންނާ ގުޅުންހުރި ދާއިރާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނެވެ. 

 (ނ)  މި ގަވާއިދުގައި މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކުރަންޖެހޭ ހާލަތްތަކުގެ އިތުރުން، މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކުރުމަށް މަގުބޫލު ސަބަބެއް އޮތްކަމަށް ކޮމިށަނަށް ފެނުން؛

މި ހާލަތުގައި މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރުމަށް މުއްދަތު ކަނޑައަޅާނީ ކޮމިށަނުންނެވެ.

 

259  ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް އޮފީހަށް ނުކުތުން މަނާކުރެވޭ ހާލަތްތަކާއި މުއްދަތު 

ތިރީގައި މިވާ ހާލަތްތަކުގައި ސިވިލް ސަރވިސްގެ މުވައްޒަފަކު މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް އޮފީހަށް ނުކުތުން މަނާކުރެވިދާނެއެވެ.

(ހ) ވަކި ލައިސަންސެއް އޮވެގެން ވަޒީފާ އަދާކުރަންޖެހޭ މުވައްޒަފަކު އެފަދަ ލައިސަންސެއް ކަމާބެހޭ އިދާރާއަކުން ވަގުތީގޮތުން ހިފެހެއްޓުން ނުވަތަ މުއްދަތު ހަމަވުން.

މި ހާލަތުގައި މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރެވޭނީ ލައިސަންސްހިފަހައްޓައިފައިވާނަމަ އެ މުއްދަތަށް ނުވަތަ ލައިސަންސް އައުނުކުރެވި ހިނގާ މުއްދަތަށެވެ. އަދި ލައިސަންސް ހިފަހައްޓައިފައިވާ މުއްދަތު ނިމުމުން ނުވަތަ ލައިސަންސް އައުކުރެވުމުން އެ މުވައްޒަފު އެކަން އިދާރާއަށް ލިޔުމުން އަންގަންވާނެއެވެ. އަދި މުވައްޒަފު އެކަން އިދާރާއަށް ހުށަހަޅާ ތާރީހުން ފެށިގެން އޮފީހަށް ނުކުތުން މަނާކުރި ކުރުން ނިމުމަކަށް ގެނެވޭނެއެވެ.

(ށ) މަދަނީ މައްސަލައެއްގައި ކޯޓަކުން ކުރާ ހުކުމަކުން ގޭބަންދުކުރުން ނުވަތަ ވަކި މުއްދަތަކަށް ޖަލަށްލުން.

މި ހާލަތުގައި މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރެވޭނީ ހުކުމުގައި ބަޔާންކޮށްފައިވާ މުއްދަތަށެވެ.


260  ވަނަ މާއްދާ - ޖިނާއީ ކުށްތަކަށް ތުހުމަތުކުރެވޭ މުވައްޒަފުން އޮފީހަށް ނުކުތުން މަނާކުރުން

(ހ) ޓެރަރިޒަމުގެ ކުށްތަކާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން، މަސްތުވާތަކެތި ބޭނުންކުރުން، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ފަދަ އަދި އެނޫންވެސް ޖިނާއީ ބޮޑު ކުށަކަށް ތުހުމަތުކޮށް ދިވެހި ފުލުހުންގެ ހިދުމަތުން އެ މައްސަލައެއް ތަހުގީގުކުރަން ފެށުން. 

މިފަދަ މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރި ކުރުން ނިމުމަކަށް ގެންނާނީ ދިވެހި ފުލުހުންގެ ހިދުމަތުން، އެ މައްސަލަ ބަލައި ތަހުގީގު ނިމުމުން، ތުހުމަތު ކުރެވޭ ކުށްތަކަށް މަދަނީ މިންގަނޑުން ބަލާއިރު، ވަޒީފާއިން ވަކިކުރަން ނުޖެހޭނަމައެވެ.ޖިނާއީ ތުހުމަތާ ގުޅިގެން ތަހުގީގު ކުރެވޭ މުވައްޒަފުންނާ މެދު އިދާރީ ފިޔަވަޅު އެޅުމުގައި އަމަލުކުރާނީ، މި ގަވާއިދުގެ ޗެޕްޓަރ 28 ގައިވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ ދަށުން އޮފީހަށް ނުކުތުން މަނާކޮށްފައިވާ މުވައްޒަފަށް، އެ މުއްދަތަށް ލިބެންޖެހޭ މުސާރައާ އިނާޔަތްތައް ލިބޭނީ ތުހުމަތުކުރެވޭ ކުށާ ގުޅިގެން މަދަނީ މިންގަނޑުން ބަލާއިރު، އެ މުވައްޒަފު ވަޒީފާއިން ވަކިކުރަން ނުޖެހޭނަމައެވެ.


261  ވަނަ މާއްދާ - މުވައްޒަފު ވަގުތުން މަސައްކަތުން އެކަހެރިކުރުން

ސިވިލް ސަރވިސްގެ މުވައްޒަފަކު އޮފީސް މާހައުލުގެ ތެރޭގައި ޖިނާއީ ކުށެއް ކުރަން އުޅުނުކަމަށް ނުވަތަ ކުރިކަމަށް ކުރެވޭ ތުހުމަތަށް ރިއާޔަތްކޮށް، އެކަށީގެންވާ ހަމަތަކަށް ބަލާއިރު އެ މުވައްޒަފު މަސައްކަތުން އެކަހެރިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ފެނިއްޖެ ހިނދެއްގައި، އެ މުވައްޒަފު ވަގުތުން އެދުވަހު މަސައްކަތުން އެކަހެރިކޮށް، މަސައްކަތްކުރާ ތަނުން އެކެހެރިވުމަށް އެންގުމުގެ އިހްތިޔާރު އެ އިދާރާގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާއަށް ލިބިގެންވެއެވެ.އަދި އޮފީހުން މުވައްޒަފު އެކަހެރިކުރި ސަބަބު ބަޔާންކޮށް އެ އިދާރާގައި ރެކޯޑުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެކަން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ލިޔުމުން މުވައްޒަފަށް ހަވާލުކުރަންވާނެއެވެ.

(ށ) މި މާއްދާގައިވާ ގޮތުގެ މަ ތީން މަސައްކަތުން އެކަހެރިކުރެވޭ މުވައްޒަފަކީ އޮފީހަށް ނުކުތުން މަނާކުރަންޖެހޭ މުވައްޒަފަކަށް ވާނަމަ، އޭނާ އޮފީހަށް ނުކުތުން މަނާކުރަންވާނީ މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ. 


262  ވަނަ މާއްދާ - އޮފީހަށް ނުކުތުން މަނާކުރުމަށް އެންގުމާއި، އޮފީހަށް ނުކުތުން މަނާކުރި ކުރުން ނިމުމަކަށް ގެނައުން

(ހ)  މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކުރުމަށް މި ޗެޕްޓަރުގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް އޮތްކަމުގައި ވާނަމަ، އެ ހާލަތު ވަޒަންކުރުމަށްފަހު، މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރާނީ އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާއެވެ. 

(ށ) މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރުމަށްފަހު، މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި މުވައްޒަފަށް ހަވާލުކުރަންވާނެއެވެ.

(ނ) މި މާއްދާގައިވާ ގޮތުގެ މަތީން މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރި ކުރުމާ މެދު ސިވިލް ސަރވިސް ކޮމިށަނުން ގޮތެއް ނިންމުމަށް ޓަކައި، މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރި ސަބަބާއި، އެފަދަ ހާލަތެއް އޮތްކަން ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހަޅަންޖެހޭ ލިޔުންތަކާއި، މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރިކަން އެންގި ލިޔުމުގެ ކޮޕީ ސިވިލް ސަރވިސް ކޮމިށަނަށް ހުށަހަޅަންވާނެވެ.

(ރ) ސީ.އެސް. ވިއުގަ މެދުވެރިކޮށް މުވައްޒަފުން އޮފީހަށް ނުކުތުން މަނާކުރެވޭ ލިޔުން ތައްޔާރުކުރެވޭ އިދާރާތަކުން، މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރަންވާނީ، ސީ.އެސް. ވިއުގަ މެދުވެރިކޮށް ތައްޔާރުކުރާ ލިޔުމުންނެވެ. އެ ހިދުމަތް ލިބެން ނެތް އިދާރާތަކުން މުވައްޒަފުން އޮފީހަށް ނުކުތުން މަނާކުރާނީ މި ގަވާއިދުގެ ޖަދުވަލު 21 ގައިވާ "މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން" އިންނެވެ.

(ބ) ސިވިލް ސަރވިސްގެ މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކޮށްފައިވަނީ، މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރަންޖެހޭ ފަދަ މަގްބޫލު ސަބަބެއް ނެތި، ނުވަތަ މި ގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކަމުގައި ކޮމިށަނަށް ފެންނަ ހާލަތުގައި، މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރި ކުރުން ބާތިލުކުރުމުގެ އިހްތިޔާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(ޅ) މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުމުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުން މުވައްޒަފު އޮފީހަށް ނުކުންނަން ވާނެއެވެ. އަދި އެ މުއްދަތު ހަމަވުމުގެ ކުރިން މުވައްޒަފު އޮފީހަށް ނެރެންވާނީ، މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރި ކުރުން ނިމުމަކަށް ގެންނަ ސަބަބު ބަޔާންކޮށް، ސީ.އެސް ވިއުގައިން ތައްޔާރުކުރާ "އޮފީހަށް ނުކުތުމަށް އަންގާ ލިޔުން" މުވައްޒަފާ ހަވާލުކުރުމުންނެވެ.ނުވަތަ މި ގަވާއިދުގެ ޖަދުވަލު 22 ގައިވާ "އޮފީހަށް ނުކުތުމަށް އަންގާ ލިޔުން"އިންނެވެ. މުވައްޒަފާ މި ލިޔުން ހަވާލުކުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ކޮމިށަނަށް އޭގެ ކޮޕީއެއް ފޮނުވަންވާނެއެވެ.

(ކ) މުވައްޒަފާ ހަވާލުކުރަންޖެހޭ ލިޔުންތައް، އިދާރާއަށް މުވައްޒަފު ދީފައިވާ އީމެއިލް އެޑްރެހަށް، ނުވަތަ މުވައްޒަފުގެ ސީ.އެސް ވިއުގަ ޕޯޓަލްއަށް ފޮނުވުމުން މުވައްޒަފަށް އެ ލިޔުންތައް ހަވާލުކުރެވުނީ ކަމުގައި ބެލެވޭނެއެވެ. ނަމަވެސް އެ ނޫން ވަސީލަތްތަކުން އެ ލިޔުންތައް މުވައްޒަފާ ހަވާލުކުރުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(އ) މި މާއްދާގެ (ކ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، ސަޕޯޓް ސަރވިސްގެ ރޭންކްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހަވާލުކުރަންޖެހޭ ލިޔުންތައް، އެ މުވައްޒަފުގެ އަތަށް ނުވަތަ އެޑްރެހަށް ހަވާލުކުރަންވާނެއެވެ.

(ވ) އޮފީހަށް ނުކުތުން މަނާކުރުމުގައި ދުވަސްތައް ގުނަންވާނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

(މ) މި ގަވާއިދުގައިވާ ގޮތުގެ މަތީން އޮފީހަށް ނުކުތުން މަނާކޮށްފައިވާ މުވައްޒަފަކުވަޒީފާ އަދާކުރާ އޮފީސް ގާއިމްވެފައިވާ ރަށުން ފުރައިގެންދާންވާނީ ރަށުން ބޭރަށް ކޮންމެހެން ދާންޖެހޭ ފަދަ ހާލަތެއް މެދުވެރިވެ، ރަށުންބޭރުގައި ހޭދަވާނެ މުއްދަތުބަޔާންކޮށް އެ އޮފީހަކަށް ލިޔުމުން އެކަން އެންގުމަށްފަހު އޮފީހުގެ ހުއްދަ ލިޔުމުން ލިބިގެންނެވެ. އަދި އެނބުރި އައުމަށްފަހު އެކަން ލިޔުމުން އޮފީހަށް އަންގަން ވާނެއެވެ.

 

263 ވަނަ މާއްދާ - އޮފީހަށް ނުކުތުން މަނާކުރުމާ ގުޅިގެން ށަކުވާ ހުށަހެޅުން

(ހ) މުވައްޒަފު އޮފީހަށް ނުކުތުން މަނާކޮށްފައިވަނީ މި ގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި އިޖުރާއަތުތަކާ ހިލާފަށް ކަމުގައި މުވައްޒަފަށް ގަބޫލުކުރެވޭނަމަ، އެކަމުގެ ށަކުވާ، ސިވިލް ސަރވިސް ކޮމިށަނަށް ހުށެހެޅިދާނެއެވެ.

(ށ) މި މާއްދާގައިވާ ގޮތުގެ މަތީން މުވައްޒަފު ހުށަހަޅާ ށަކުވާ އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި ސިވިލް ސަރވިސް ކޮމިށަނުން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ. 

 

ޗެޕްޓަރ 28

އިސްލާހީ ފިޔަވަޅު އެޅުމާއި، ވަޒީފާއިން ވަކިކުރުން

 

264 ވަނަ މާއްދާ - އިސްލާހީ ފިޔަވަޅު އެޅުމާއި، ވަޒީފާއިން ވަކިކުރުން

(ހ) ސިވިލް ސަރވިސްގެ މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅު އަޅާނީ، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި، މި ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވުމުން އެ މުވައްޒަފަކު ކުރި ކުށެއްގެ ކުޑަބޮޑުމިނަށް ބަލައި، މި ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގެ 34 ވަނަ މާއްދާގެ ދަށުންނެވެ.

(ށ) ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި، ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވާ ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނީ، އެ ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގެ ދަށުން، މި ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން، ސިވިލް ސަރވިސްގެ މުވައްޒަފަކު، އެ ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވިކަމަށް ސިވިލް ސަރވިސް ކޮމިށަނަށް ސާބިތުވުމުންނެވެ.

 

265 ވަނަ މާއްދާ - އިސްލާހީ ފިޔަވަޅު އަޅާނެ ފަރާތްތައް 

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހިނދެއްގައި، އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސް މުވައްޒަފު ފިޔަވައި އެހެން މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅެއް އަޅަންޖެހޭ ފަދަ އަމަލެއް މުވައްޒަފަކު ކޮށްފިނަމަ، އެ މުވައްޒަފުގެ ސުޕަވައިޒަރު ނުވަތަ އިދާރާގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާ އެ މުވައްޒަފަށް އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.

(ށ) އިސްލާހީ ފިޔަވަޅު އަޅަންޖެހޭ ފަދަ އަމަލެއް ކޮށްފައިވަނީ، ޕަރމަނަންޓް ސެކްރެޓަރީ، ނުވަތަ ލޯކަލް ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެ އިދާރާގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާ ކަމުގައި ވާނަމަ، އެ ފަރާތަކާ މެދު އިސްލާހީ ފިޔަވަޅުއަޅާނީ، ސިވިލް ސަރިވސް ކޮމިށަނުންނެވެ. ނަމަވެސް މިނިސްޓްރީއެއްގެ ދަށުގައިވާ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިއެއް ނަމަ، އެފަދަ މުވައްޒަފަކަށް އިސްލާހީ ފިޔަވަޅު އަޅާނީ، އެ މުވައްޒަފެއްގެ ޕަރމަނަންޓް ސެކްރެޓަރީއެވެ. އަދި ލޯކަލް ކައުންސިލްގެ އިދާރާއެއްގެ ދަށުގައިވާ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސް މުވައްޒަފަށް ފިޔަވަޅު އަޅާނީ އެ ކައުންސިލުގެ ސެކްރެޓަރީ ޖެނަރަލެވެ.

(ނ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި މި ގަވާއިދާ އެއްގޮތަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމާއި، ވަޒީފާއިން ވަކިކުރުމުގެ ބާރު، ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

 

266 ވަނަ މާއްދާ - މައްސަލަ ބެލުމާއި، އިސްލާހީ ފިޔަވަޅު އެޅުމުގައި އެހެން ގާނޫނުތަކަށް ރިއާޔަތްކުރުން 

މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އެހެން ގާނޫނަކުން ވަކި ހަމަތަކާ އުސޫލުތަކުގެ ތެރެއިން މުވައްޒަފުންނަށް ފިޔަވަޅު އެޅުމަށް ކަނޑައަޅައިފައިވާނަމަ، އެ ފިޔަވަޅުތައް އަޅަންވާނީ، އެ ގާނޫނެއްގައި އެފަދަ ފިޔަވަޅެއް އެޅުމަށް ކަނޑައެޅިފައިވާ އިޖުރާއަތުތަކާ ހިލާފުނުވާ ގޮތެއްގެ މަތީންނެވެ. ނަމަވެސް މުވައްޒަފުންނަށް ފިޔަވަޅު އެޅުމަށް ކޮމިށަނަށް ހުށަހަޅާއިރު، މައްސަލައެއް ބެލުމަށްފަހު ފިޔަވަޅު އެޅުމަށް ކަނޑައެޅިފައިވާ އިޖުރާއަތުތައް ފުރިހަމަތޯ ބަލައި، އިޖުރާއަތުތައް ފުރިހަމަކުރުމަށް އެ އިދާރާއަކަށް އެންގުމާއި، އަދި އަޅަން ކަނޑައަޅައިފައިވާ އިސްލާހީ ފިޔަވަޅަކީ އެކަށީގެންވާ ފިޔަވަޅެއް ނޫންކަމުގައި ވާނަމަ، އަޅަން ކަނޑައެޅި ފިޔަވަޅު ބަދަލުކުރުމަށް އެންގުމުގެ އިހްތިޔާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ. 


267 ވަނަ މާއްދާ - ކުށުގެ ކުޑަބޮޑުމިނަށް ބަލައި ކުށްތައް ދަރަޖަކުރުން 

(ހ) ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި، މި ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނާ މެދު އިސްލާހީ ފިޔަވަޅު އެޅުމާއި ވަޒީފާއިން ވަކިކުރުމުގައި، މުވައްޒަފުން އާންމުކޮށް ކުރާނެކަމަށް ބެލެވޭ ކުށްތައް، ކުށުގެ ކުޑަބޮޑުމިނަށް ބަލައި، ދަރަޖަ ކުރެވިފައި ވާނެއެވެ. 

(ށ) މި ޗެޕްޓަރުގައި މުވައްޒަފުން ކުރާ ކުށްތައް ދަރަޖަތަކަށް ބަހައިލައިފައި އޮތް ނަމަވެސް، އެ ކުށެއްގެ ކުޑަބޮޑުމިން ވަޒަން ކުރުމަށްހު، އެކަށީގެންވާ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) މި ގަވާއިދުގައި ހިމެނިފައި ނުވި ނަމަވެސް، މުވައްޒަފު ކުރި އަމަލަކީ ގާނޫނު ނަންބަރު 2007-05 (ސިވިލް ސަރވިސްގެ ގާނޫނު) އާއި ގަވާއިދާއި އަދި ކޯޑް އޮފް ކޮންޑަކްޓާ ހިލާފު އަމަލެއް ކަމުގައި ވާނަމަ، އެ ކުރި ކުށެއްގެ ކުޑަބޮޑުމިނަށް ބަލައި، އެކަށީގެންވާ އިސްލާހީ ފިޔަވަޅު އެޅުމާއި، ނުވަތަ މި ގަވާއިދުގައިވާ ގޮތުގެ މަތީން ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރު ، ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ. 


268 ވަނަ މާއްދާ - މުވައްޒަފަށް މަގުދެއްކުން 

މުވައްޒަފުންގެ މަސައްކަތުގެ އަހްލާގު ރަނގަޅު ކުރުމަށާއި، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ދުޅަހެޔޮ މަސައްކަތުގެ މާހައުލެއް ގާއިމް ކުރުމަށް، ސިވިލް ސަރވިސް ކޮމިށަނަށް ނުވަތަ އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާއަށް ނުވަތަ އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އެ މުވައްޒަފަށް މަގުދައްކައި އިރުށާދުދެވިދާނެއެވެ.


269 ވަނަ މާއްދާ - ފުރަތަމަ ދަރަޖައިގެ ކުށްތައް 

ފުރަތަމަ ދަރަޖައިގެ ކުށްތައް ތިރީގައި މިވަނީއެވެ.

(ހ) ވަޒީފާއަށް ހާޒިރުވުމުގައި:

  1. މަސްދުވަހެއްގެ ތެރޭގައި 5 (ފަހެއް) ދުވަހު ގަޑިޖެހި، ގަޑި ޖެހުނު މިނިޓުގެ އަދަދު 30 (ތިރީސް) މިނިޓަށްވުރެ އިތުރުވުން.
  2. އަހަރުދުވަހުގެ ތެރޭގައި 15 (ފަނަރަ) ދުވަހު ގަޑިޖެހި، ގަޑިޖެހުނު މިނިޓުގެ އަދަދު 75 (ހަތްދިހަ ފަހެއް) މިނިޓަށްވުރެ އިތުރުވުން.

(ށ) 1 (އެކެއް) ދުވަހު ވަޒީފާއަށް ހާޒިރު ނުވުން.

(ނ) ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި،ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާއި، ކޮމިށަނުގެ ސަރކިއުލަރތަކާއި،އެންގުންތަކާއި، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުން ހަދައިފައިވާ ގަވާއިދާއި، މި ގަވާއިދާ ހިލާފުނުވާ ގޮތުގެ މަތީން އެކަށައަޅައިފައިވާ އުސޫލުތަކާ؛

  1. ހިލާފުވުން.
  2. އެއިން ކަމަކަށް އިހުމާލުވުން.
  3. ފަރުވާކުޑަ ކުރުމުގެ ސަބަބުން އެއިން ގާނޫނަކާ ނުވަތަ ގަވާއިދަކާ ނުވަތަ އުސޫލުތަކާ ހިލާފުވުން.ތަހުގީގަށް މި ކުށް ސާބިތުވާ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގައި،ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތްކުރުމަށްފަހު، އެކަށީގެންވާ އިސްލާހީ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(ރ) ހަވާލު ކޮށްފައިވާ މަސައްކަތަށް ފަރުވާކުޑަކުރުމާއި، ވަޒީފާގެ ޒިންމާ އުފުލުމުގައި ފަރުވާކުޑަކުރުން.

(ބ) ހަވާލުކުރާ މަސައްކަތްތައް އެ މަސައްކަތެއް ނިންމަންޖެހޭ އަވަސްމިނުގައި ޒިންމާދާރުކަމާއެކު ނުކުރެވުން.

(ޅ) މަސައްކަތު ދާއިރާގައި މުވައްޒަފު ދޭންޖެހޭ އެއްބާރުލުމާއި އަމުރަށާއި އެންގުންތަކަށް ކިޔަމަންތެރިކަން ކުޑަވުން.

(ކ) ކަނޑައަޅައިފައިވާ މަސައްކަތުގަޑީގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަނުން ހުއްދަނެތި ބޭރުގައި އުޅުން ނުވަތަ އަމިއްލަ ކަންކަމުގައި ވަގުތު ހޭދަކުރުމާއި ވަގުތު ބޭކާރު ކުރުން.

(އ) މުވައްޒަފުގެ ރަސްމީ މަސައްކަތު ގަޑީގައި އަމިއްލަ މަސައްކަތް ކުރުން.

(ވ) އެ މުވައްޒަފު ހަވާލުވާ މަސައްކަތް ކަނޑައަޅާ ފެންވަރަށް އަދި ކަނޑައަޅާ މުއްދަތަށް ނުނިންމުން.

(މ) މުޖުތަމައުގެ އާންމު އަހްލާގީ މިންގަނޑަށްވުރެ ދަށްފަންތީގެ އަމަލު ކުރުމާއި، ވާހަކަދެއްކުމުގައްޔާއި މުހާތަބު ކުރުމުގައި ހަޑިހުތުރު ބަހުރުވަ ބޭނުން ކުރުން.

(ފ) އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުން.

(ދ) އޮފީހުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށާއި، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް ވާހަކަދައްކައި، ހީ ސަމާސާ ކުރުން.

(ތ) ވަޒީފާ އަދާކުރުމުގައި އިހުމާލުވުން ނުވަތަ ފަރުވާ ކުޑަވުން.

(ލ) ދައުލަތުގެ އިދާރާތަކާ ގުޅޭގޮތުން ނުވަތަ ދައުލަތުގެ މުވައްޒަފުންނާ ގުޅޭ ގޮތުން ސާބިތުނުހިފޭ ދޮގު މައުލޫމާތު ފެތުރުން. ތަހުގީގަށް މި ކުށް ސާބިތުވާ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގައި ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތްކުރުމަށްފަހު، އެކަށީގެންވާ އިސްލާހީ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(ގ) މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދިދާ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމާއި، ތިމާ ނުވަތަ އެހެން މުވައްޒަފަކަށް އަނިޔާވާ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމާއި، ނުވަތަ މުވައްޒަފަކު ރުޅިއެރުވުމަށް މަސައްކަތްކުރުން.

(ޏ) މަސައްކަތުގެ ދާއިރާގައި އެހެން މުވައްޒަފުންނާ ގުޅިގެން ކުރަންޖެހޭ ފަދަ މަސައްކަތްތައް ނުކުރުން.


270 ވަނަ މާއްދާ - ދެވަނަ ދަރަޖައިގެ ކުށްތައް 

ދެވަނަ ދަރަޖައިގެ ކުށްތައް ތިރީގައި މިވަނީއެވެ.

(ހ) ވަޒީފާއަށް ހާޒިރުވުމުގައި އަހަރުދުވަހުގެ ތެރޭގައި 30 (ތިރީސް) ދުވަހު ގަޑިޖެހި، ގަޑިޖެހުނު މިނިޓުގެ އަދަދު 150 (އެއްސަތޭކަ ފަންސާސް) މިނިޓަށްވުރެ އިތުރުވުން.

(ށ) ވިދިވިދިގެން 3 (ތިނެއް) ދުވަހަށް ވަޒީފާއަށް ހާޒިރުނުވެ ހުރުން ނުވަތަ އަހަރުދުވަހުގެ ތެރޭގައި 5 (ފަހެއް) ދުވަހު ވަޒީފާއަށް ހާޒިރުނުވެ ހުރުން.

(ނ) އިސްލާހީ ފިޔަވަޅު އަޅަންޖެހޭ ފަދަ މުވައްޒަފަށް އެފަދަ ފިޔަވަޅެއް އެޅުމުގައި އިހުމާލުވުން.

(ރ) ގަވާއިދާ ހިލާފަށް މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމާއި، ގަވާއިދާ ހިލާފަށް އޮފީހަށް ނުކުތުން މަނާކުރުން.

(ބ) ވަޒީފާއިން ވަކިކުރާނެ ކަމުގެ ނުވަތަ އިސްލާހީ ފިޔަވަޅު އަޅާނެކަމަށް ބުނެ މުވައްޒަފުންނަށް ބިރުދެއްކުން.

(ޅ) ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި،ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވުން.

(ކ) މުވައްޒަފުގެ އިސްކޮށް ހުންނަ ވެރިޔަކު ގާނޫނާ ގަވާއިދާ ހިލާފުނުވާ ގޮތަށް ދޭ އިރުށާދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ގަސްތުގައި މަސައްކަތް ނުކުރުން.

(އ) މި ގަވާއިދާ ހިލާފަށް އެއްވެސް ފަރާތެއް ވަޒީފާގައި ގެންގުޅުމާއި، އެފަދަ ފަރާތެއް ވަޒީފާގައި ގެންގުޅުމަށް ހުއްދަ ދިނުން.

(ވ) މި ގަވާއިދާ ހިލާފަށް މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމާއި، ވަޒީފާއަށް ނުކުތުން މަނާކުރުން.

(މ) ކަނޑައެޅިފައިވާ މަސައްކަތުގަޑި ނިމުމުގެ ކުރީން ހުއްދަނެތި މަސައްކަތް ކުރާ ތަނުން ދިޔުން.

(ފ) އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމާއި، ސިޔާސީ ބަހުޘް ކުރުން. ތަހުގީގަށް މި ކުށް ސާބިތުވާ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގައި ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތް ކުރުމަށްފަހު، އެކަށީގެންވާ އިސްލާހީ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(ދ) އެއްބަސްވެފައިވާ ގޮތުގެ މަތީން، ރަސްމީ މަސައްކަތުގަޑީގެ އިތުރުން، އިތުރު ގަޑީގައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އެންގުމުން އެކަމަށް އިންކާރު ކުރުން.

(ތ) ނަހަމަގޮތުގައި ސަރުކާރުގެ މުދަލާއި، ފައިސާއާއި، އޮފީހުގެ އެންމެހައި ވަސީލަތްތައް ބޭނުން ކުރުން.

ތަހުގީގަށް މި ކުށް ސާބިތުވާ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގައި ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތް ކުރުމަށްފަހު، އެކަށީގެންވާ އިސްލާހީ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު، ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(ލ) މުވައްޒަފުންގެ ޒާތީ މައުލޫމާތު ހާމަކުރުން.

(ގ) މާރާމާރީ ހިންގުން ނުވަތަ އެހެން މުވައްޒަފަކަށް އަނިޔާއެއް ވެދާނެ ފަދަ އަމަލެއް ކުރުން.

ތަހުގީގަށް މި ކުށް ސާބިތުވާ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގައި ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތް ކުރުމަށްފަހު، އެކަށީގެންވާ އިސްލާހީ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު، ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(ޏ) އެނގިހުރެ ގަސްތުގައި މަސައްކަތުގެ ދާއިރާގައި މުވައްޒަފު ހާމަކުރަންޖެހޭ އެއްވެސް މައުލޫމާތެއް ހާމަނުކުރުން.

(ސ) ވަޒީފާގެ މާހައުލުގެ ށަކުވާއެއް މުވައްޒަފު ހުށަހެޅުމުން، ނުވަތަ ހުށަހަޅައިފައިވާ ށަކުވާއެއް ބެލުމަށް މުވައްޒަފު ކަމާ ގުޅޭ އިދާރާއަކަށް ދީފައިވާ މައުލޫމާތަކާ ގުޅިގެން އެ މުވައްޒަފަށް ބިރުދެއްކުމުގެ ނިޔަތުގައި ނުވަތަ ދެރަކޮށްލުމުގެ ނިޔަތުގައި އެކަމާ ސުވާލުކޮށް، އެ ވާހަކަ އެ މުވައްޒަފު ގާތުގައި ދެއްކުން.

(ޑ) ގާނޫނާއި ގަވާއިދާ ހިލާފަށް ދައުލަތުގެ މައުލޫމާތު ހާމަ ކުރުން، ދޫ ކުރުން، ބޭރު ކުރުން، ކޮޕީހެދުން، ރިކޯޑު ކުރުން ނުވަތަ މިއިން ކަމަކަށް މަގުފަހި ކުރުން، ނުވަތަ މިއިން ކަމަކަށް އެހީތެރިވެދިނުން ނުވަތަ މިއިން ކަމެއް ކުރުމުގައި ބައިވެރިވުން.

ތަހުގީގަށް މި ކުށް ސާބިތުވާ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގައި ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތް ކުރުމަށްފަހު، އެކަށީގެންވާ އިސްލާހީ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު، ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(ޒ) ރަސްމީ ހައިސިއްޔަތުން މުވައްޒަފަށް ލިބިފައިވާ މަ އުލޫމާތެއް، ނަހަމަގޮތުގައި ބޭނުންކުރުން.

ތަހުގީގަށް މި ކުށް ސާބިތުވާ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގައި ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތް ކުރުމަށްފަހު، އެކަށީގެންވާ އިސްލާހީ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު، ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(ޓ) ގަނާކުރުން (ބުލީކުރުން) ތަހުގީގަށް މި ކުށް ސާބިތުވާ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގައި ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތް ކުރުމަށްފަހު، އެކަށީގެންވާ އިސްލާހީ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު، ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(ޔ) ދައުލަތުގެ އިދާރާތަކާއި މުވައްޒަފުންނާ ގުޅޭގޮތުން ސާބިތުނުހިފޭ ދޮގު މައުލޫމާތު ފެތުރުން.

ތަހުގީގަށް މި ކުށް ސާބިތުވާ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގައި ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތް ކުރުމަށްފަހު، އެކަށީގެންވާ އިސްލާހީ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު، ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

 

271 ވަނަ މާއްދާ - ތިންވަނަ ދަރަޖައިގެ ކުށްތައް 

ތިންވަނަ ދަރަޖައިގެ ކުށްތައް ތިރީގައި މިވަނީއެވެ.

(ހ) ވަޒީފާއަށް ހާޒިރުވުމުގައި އަހަރެއްގެ ތެރޭގައި 60 (ފަސްދޮޅަސް) ދުވަހު ގަޑިޖެހި، ގަޑި ޖެހުނު މިނިޓުގެ އަދަދު 300 (ތިން ސަތޭކަ) މި ނިޓަށްވުރެ އިތުރުވުން.

(ށ) ސަރުކާރުގެ ލިޔެކިއުމެއް ނުވަތަ އޮފީހުގެ ލިޔެކިޔުމެއްގެ އަސްލު އޮޅުވައިލައި،ބަދަލު ކުރުން. މީގެ ތެރޭގައި ހިމެނެނީ ތިރީގައި މިވާ ލިޔެކިއުންތަކެވެ.

  1. އެ މީހަކު މަސައްކަތުގައި ގެންގުޅެންޖެހޭ ލިޔުންތައް.
  2. އޮފީހަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ލިޔުންތައް.
  3. ހާޒިރީ ރިޕޯޓު.
  4. ވައުޗަރ.
  5. ޗުއްޓީގެ ރިކޯޑުތައް.
  6. އިތުރުގަޑީގެ ހާޒިރީ ފަދަ އޮފީހުގެ ލިޔުންތަކާއި އޮފީހުގެ އެކިއެކި ރަސްމީ ލިޔުންތައް.

(ނ) އިދާރާގައި ހުންނަ މައުލޫމާތުތައް، ގާނޫނާއި ގަވާއިދާ ހިލާފަށް ހާމަ ކުރުން، ދޫ ކުރުން، ބޭރު ކުރުން، ކޮޕީހެދުން، ރިކޯޑު ކުރުން ނުވަތަ މިއިން ކަމަކަށް މަގުފަހި ކުރުން، ނުވަތަ މިއިން ކަމަކަށް އެހީތެރިވެދިނުމާއި، މިއިން ކަމެއް ކުރުމުގައި ބައިވެރިވުން.

(ރ) ރަސްމީ ހައިސިއްޔަތުން މުވައްޒަފަށް ލިބިފައިވާ މަ އުލޫމާތެއް، ނަހަމަގޮތުގައި ބޭނުންކުރުން.

(ބ) ސަރުކާރުގެ މުދަލާއި، ފައިސާއާއި، އޮފީހުގެ އެންމެހައި ވަސީލަތްތައް ބޭނުން ކުރުމުގައި ތިރީގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ކުރުން.

  1. އިހުމާލުވުން ނުވަތަ ނަހަމަގޮތުގައި އެއިން އެއްޗެއް ބޭނުން ކުރުން؛
  2. އެއިން އެއްޗެއް އަމިއްލަކަމަކަށް ބޭނުން ކުރުން؛
  3. އެއިން އެއްޗަކަށް ގެއްލުމެއް ދިނުން؛
  4. އެއިން އެއްޗަކަށް ގެއްލުމެއް ވެދާނެ ފަދަ ގޮތަކަށް އަމަލު ކުރުން.

(ޅ) ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ބޭނުންކުރުމުގައްޔާއި ދިނުމުގައި ރިށްވަތު ހިފުމާއި ނުވަތަ އެ ނޫންވެސް ނާޖާއިޒު ގޮތެއްގައި ހަދިޔާއެއް ލިބިގަތުން، ނުވަތަ އެއްޗެއް ނުވަތަ އަގުނެގޭ ހިދުމަތެއް އަގުއަދާނުކޮށް ލިބިގަތުން.

(ކ) ރިށްވަތު ދިނުމާއި ރިށްވަތު ހިފުން.

(އ) އެ މީހަކަށް ލިބިފައިވާ މަގާމުގެ އިހްތިޔާރު ގަސްތުގައި ނާޖާއިޒު ގޮތެއްގައި ތިމާގެ ނުވަތަ ހައްގު ނޫން ފަރާތެއްގެ ފައިދާއަށް ނުވަތަ މަސްލަހަތަށް ބޭނުން ކުރުން ނުވަތަ ބޭނުން ކުރަން އުޅުން.

(ވ) ދައުލަތާއި، ސަރުކާރާއި، އޮފީސް ބަދުނާމުވާ ފަދަ ކަމެއް ކުރުން. ނަމަވެސް، އެކަމަކީ ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ވަޒީފާ އަދާކުރުމަށްޓަކައި ކުރި ކަމަކުން ނުކުތް ނަތީޖާއަކަށް ވެގެން ނުވާނެއެވެ.

(މ) ގާނޫނާ ގަވާއިދާ ހިލާފަށް މައުލޫމާތު ހާމަ ކުރުމާއި، މައުލޫމާތު ލިބިގަތުން.

(ފ) ގަނާކުރުން (ބުލީކުރުން) ތަހުގީގަށް މި ކުށް ސާބިތުވާ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގައި ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތް ކުރުމަށްފަހު، އެކަށީގެންވާ އިސްލާހީ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު، ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(ދ) ދައުލަތުގެ މުވައްޒަފުންނާ ގުޅޭ ގޮތުން ސާބިތުނުހިފޭ ދޮގު މައުލޫމާތު ފެތުރުން.

ތަހުގީގަށް މި ކުށް ސާބިތުވާ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގައި ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތް ކުރުމަށްފަހު، އެކަށީގެންވާ އިސްލާހީ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު، ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(ތ) އެކިއެކި މީޑިއާގެ ވަސީލަތްތަކާއި އެނޫންވެސް ވަ ސީލަތްތައް މުވައްޒަފުން ބޭނުންކުރުމުގައްޔާއި މުޖުތަމައުގައި އުޅޭ އުޅުމުގައި، ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ ދަށުން ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދިނުމާއި، ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދިނުމުގެ ގޮތުން ބޭނުންކުރެވޭ ފަދަ ބަސްތައް ބޭނުންކުރުމާއި، އެފަދަ ފޮޓޯއާއި ވީޑިއޯތައް އާންމުކުރުމާއި، ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކުރާކަން ދޭހަވާ ފަދަ އެއްވެސް އަމަލެއްކުރުން.

 

272 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރެވޭ ފަދަ ކުށްތައް 

މި މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް މުވައްޒަފު ކޮށްފިނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ.

(ހ) މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަ ރަކާތެއްގައި ބައިވެރިވުން.

(ށ) މުވައްޒަފުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން.

(ނ) މުވައްޒަފުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއްގެންގުޅުން.

(ރ) އިދާރާގެ ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގުމާއި، އޮރިޔާންކާޑު ގެންގުޅުމާއި، އޮރިޔާންކާޑު ދެއްކުމާއި، ބެލުމާއި، ޖިންސީ ށައުގުވެރިކަން ދޭހަކޮށްދޭ އެއްވެސް ހަރަކާތެއް ނުވަތަ އަމަލެއް ހިންގުން.

(ބ) ވަޒީފާ އަދާކުރާ މާހައުލުގައި ނުރައްކާތެރި އަމަލެއް ނުވަތަ ހަމަނުޖެހުމެއް ހިންގުން ނުވަތަ އެފަދަ ކަމެއް ކޮށްފާނެ ކަމުގެ އިންޒާރުދިނުން.

(ޅ) މުވައްޒަފެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދީފާނެކަމުގެ ބިރު ދެއްކުން ނުވަތަ އިންޒާރުދިނުން.

(ކ) މަސައްކަތަށް ހާޒިރުވިއިރު ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ނުރައްކާތެރި ހަތިޔާރެއް ގެނައުން.

(އ) މަސައްކަތުގެ މާހައުލުގައި ހިދުމަތް ލިބިގަންނަން އަންނަ ފަރާތަކަށް ނުވަތަ އެހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރުން.

(ވ) ދައުލަތުގެ މުދަލުން ވައްކަން ކުރުމާއި، ރިށްވަތު ދިނުމާއި ރިށްވަތު ހިފުން.

(މ) ވިދި ވިދިގެން 7 (ހަތެއް) ދުވަހަށް، ވަޒީފާއަށް ހާޒިރުނުވެ ހުރުން ނުވަތަ އަހަރު ދުވަހުގެ ތެރޭގައި 15 (ފަނަރަ) ދުވަހު ވަޒީފާއަށް ހާޒިރުނުވެ ހުރުން.

(ފ) ގާނޫނެއްގެ ދަށުން އެ ގާނޫނެއްގެ ބެލެނިވެރިކަން ލިބިފައިވާ ފަރާތުން ކުރާތަހުގީގުތަކަށް ރިއާޔަތްކޮށް، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވިކަން އިދާރީ މިންގަނޑުން ސާބިތުވުން.

(ދ) މާރާމާރީ ހިންގުން ނުވަތަ އެހެން މުވައްޒަފަކަށް އަނިޔާއެއްވެދާނެ ފަދަ އަމަލެއް ކުރުން.

(ތ) އޮފީސް މާހައުލުގައި ރުހުމުގައިވިޔަސް އަދި ނުރުހުމުގައި ވިޔަސް ޖިންސީ އަމަލެއް ހިންގުމާއި، ޖިންސީ ގޯނާކުރުން.

(ލ) ގާނޫނާއި ގަވާއިދާ ހިލާފަށް ދައުލަތުގެ ސިއްރު މައުލޫމާތު ހާމަ ކުރުން، ދޫ ކުރުން، ބޭރު ކުރުން، ކޮޕީހެދުން، ރިކޯޑު ކުރުން ނުވަތަ މިއިން ކަމަކަށް މަގުފަހި ކުރުން، ނުވަތަ މިއިން ކަމަކަށް އެހީތެރިވެދިނުމާއި، މިއިން ކަމެއް ކުރުމުގައި ބައިވެރިވުން.

(ގ) ރަސްމީ ހައިސިއްޔަތުން މުވައްޒަފަށް ލިބިފައިވާ މަ އުލޫމާތެއް، ނަހަމަގޮތުގައި ބޭނުންކުރުން.


273 ވަނަ މާއްދާ - އިސްލާހީ ފިޔަވަޅުތަކާއި ފިޔަވަޅު ދެމިއޮންނާނެ މުއްދަތު 

ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި، މި ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވާ މުވައްޒަފުންނާމެދު އަޅާނެ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތައް ދެމިއޮންނާނެ މުއްދަތު ތިރީގައި މިވަނީއެވެ. މި ފިޔަވަޅުތައް އަޅާނީ މި ގަވާއިދުގައި ކަނޑައެޅިފައިވާ ކުށުގެ ދަރަޖަތަކަށް ރިއާޔަތްކޮށެވެ.

(ހ) ފުރަތަމަ ދަރަޖައިގެ ކުށްތަކަށް އަޅާނީ އަނގަބަހުން ނުވަތަ ލިޔުމުން ނަސޭހަތް ދިނުމުގެ އިސްލާހީ ފިޔަވަޅެވެ.

އިތުރު ކުށެއް ނުކުރާނަމަ، އަނގަބަހުން ނުވަތަ ލިޔުމުން ދީފައިވާ ނަސޭހަތެއް ދެމިއޮންނާނީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

އަނގަބަހުން ދޭ ނަސޭހަތާއި ލިޔުމުން ދޭ ނަސޭހަތް ދޭންވީ ގޮތުގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 23 އާއި 24 ގައި އެވަނީއެވެ. މި ލިޔުންތައް ހަވާލުކުރާއިރު އެ ޖަދުވަލުތަކުގައިވާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތީން، އެ ޖަދުވަލުގައި ފުރިހަމަކުރުމަށް ކަނޑައެޅިފައިވާ ބައިތައް ފުރިހަމަކުރަންވާނެއެވެ.

(ށ) ދެވަނަ ދަރަޖައިގެ ކުށްތަކަށް އަޅާނީ ލިޔުމުން ދޭ އިންޒާރު ދިނުމުގެ އިސްލާހީ ފިޔަވަޅެވެ.

ލިޔުމުން ދޭ އިންޒާރު ދިނުމަށްފަހު، އެ މުވައްޒަފު ދެވަނަ ދަރަޖައިގެ ނުވަތަ ތިންވަނަ ދަރަޖައިގެ ކުށެއް ނުކުރާނަމަ، އެ ލިޔުން ދެމިއޮންނާނީ 2 (ދޭއް) އަހަރުގެދުވަހުގެ މުއްދަތަށެވެ.

ލިޔުމުން ދޭ އިންޒާރުގެ ލިޔުން ދޭންވާނީ މި ގަވާއިދުގެ ޖަދުވަލު 25 ގައިވާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތީން، އެ ޖަދުވަލުގައި ފުރިހަމަކުރުމަށް ކަނޑައެޅިފައިވާ ބައިތައް ފުރިހަމަކުރުމަށްފަހުގައެވެ.

(ނ) ތިންވަނަ ދަރަޖައިގެ ކުށްތަކަށް އަޅާނީ މުވައްޒަފުގެ މަގާމުގެ ފަންތި ދަށްކުރުމުގެ ފިޔަވަޅެވެ.

މި ފިޔަވަޅު އެޅުމުގައި މުވައްޒަފަކު އަދާކުރާ މަގާމުގެ ވަޒީފާގެ އޮނިގަނޑުގައި ހިމެނޭ 1 (އެކެއް) ފަންތިއަށް ވުރެ ދަށް ފަންތީގެ މަގާމަކަށް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް މަގާމުގެ ފަންތި ދަށްކުރެވިދާނެއެވެ. މުވައްޒަފު ހިމެނޭ ވަޒީފާގެ އޮނިގަނޑުގައި ދަށް ފަންތީގެ މަގާމެއް ނެތްނަމަ، ވަގުތީގޮތުން އެ ފަންތީގެ މަގާމެއް އުފައްދައި އެ މުއްދަތަށް އެ މަގާމަށް ހަމަޖެއްސިދާނެއެވެ. އަދި އެ މުއްދަތު ހަމަވުމުން ކުރިން ހުރި މަގާމަށް ރުޖޫއަކުރެވޭނެއެވެ. މި ފިޔަވަޅު އަޅާއިރު ސީ.އެސް. ވިއުގައިން މި ބަދަލުތަކުގެ ރިކޯޑު ފެންނަން ހުންނަންވާނެއެވެ. އަދި އެ މުވައްޒަފަށް ވަޒީފާ ބަދަލުކުރެއްވި ޗިޓުހަވާލުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް، ދެވަނަ ދަރަޖައާއި ތިންވަނަ ދަރަޖައިގެ ކުށްތަކަށް އިސްލާހީ ފިޔަވަޅެއްގެ ގޮތުން 14 (ސާދަ) ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް މުސާރަ ނުލިބޭ ގޮތަށް އޮފީހަށްނުކުތުން މަނާކުރެވިދާނެއެވެ.

  1. ދެވަނަ ދަރަޖައިން މި ފިޔަވަޅު އަޅާނަމަ މި ފިޔަވަޅު އަޅާނީ ލިޔުމުން ދޭ އިންޒާރަށްފަހު އެ އިންޒާރުގެ މުއްދަތުގެ ތެރޭގައި ދެވަނަ ދަރަޖައިގެ ކުށެއް މުވައްޒަފު ކުރުމުންނެވެ.
  2. ތިންވަނަ ދަރަޖައިން މި ފިޔަވަޅު އަޅާނަމަ މި ފިޔަވަޅު އަޅާނީ މަގާމުގެ ފަންތި ދަށްކުރުމުގެ ފިޔަވަޅު އެޅުމުގެ ކުރިންނެވެ.

އޮފީހަށް ނުކުތުން މަނާކުރުމުގެ ފިޔަވަޅަށްފަހު، 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ދެވަނަ ދަރަޖައިގެ ނުވަތަ ތިންވަނަ ދަރަޖައިގެ ކުށެއް ކޮށްފިނަމަ، އެ މުވައްޒަފުގެ މަގާމުގެ ރޭންކު ދަށްކުރެވިދާނެއެވެ. ނުވަތަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާއިން ވަކިކުރެވިދާނެއެވެ.

އިސްލާހީ ފިޔަވަޅެއްގެ ގޮތުން އޮފީހަށް ނުކުތުން މަނާކުރަންވާނީ މި ގަވާއިދުގެ ޖަދުވަލު 26 ގައިވާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތީ ން، އެ ޖަދުވަލުގައި ފުރިހަމަކުރުމަށް ކަނޑައެޅިފައިވާ ބައިތައް ފުރިހަމަކުރުމަށްފަހުއެވެ.


274 ވަނަ މާއްދާ - އިސްލާހީ ފިޔަވަޅަށްފަހު އިތުރު ކުށެއް ކުރުމުން އަޅާނެ ފިޔަވަޅުތައް 

ކުށުގެ ދަރަޖަތަކަށް ރިއާޔަތްކޮށް އިސްލާހީ ފިޔަވަޅު އެޅުމަށްފަހު، ކުށް ތަކުރާރުކުރުމުން އިސްލާހީ ފިޔަވަޅު އެޅުމާއި، މުވައްޒަފު ކުރާ ކުށްތަކަށް ރިއާޔަތްކޮށް އަޅައިފައިވާ އިސްލާހީ ފިޔަވަޅަށްފަހު ވަޒީފާއިން ވަކިކުރަން ހުށަހެޅުމުގައި އަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) އަނގަބަހުން ނަސޭހަ ތްދޭނީ 1 (އެކެއް) ފަހަރުއެވެ.

އަނގަބަހުން ނަސޭހަ ތްދީ، އެ ލިޔުން ބާތިލުވުމުގެ ކުރިން ފުރަތަމަ ދަރަޖައިގެ ކުށެއް ކޮށްފިނަމަ އިސްލާހީ ފިޔަވަޅެއްގެ ގޮތުން ލިޔުމުން ނަސޭހަތްދޭންވާނެއެވެ.

(ށ) ލިޔުމުން ދޭ ނަސޭހަތް ދޭނީ 2 (ދޭއް) ފަހަރަށެވެ.

ދެފަހަރަށް ލިޔުމުން ނަސޭހަތްދީފައިވާ މުވައްޒަފަކު، ލިޔުމުން ދީފައިވާ ނަސޭހަތް ބާތިލުވުމުގެ ކުރިން ފުރަތަމަ ދަރަޖައިގެ ކުށެއް ކޮށްފިނަމަ، އެ މުއްޒަފަކަށް ދެވަނަ ދަރަޖައިން އެޅުމަށް ކަނޑައެޅޭ ފިޔަވަޅެއް އެޅޭނެއެވެ.

(ނ) ލިޔުމުން ދޭ އިންޒާރު ދޭނީ 1 (އެކެއް) ފަހަރުއެވެ.

  1. ލިޔުމުން ދޭ އިންޒާރު ދިނުމަށްފަހު، އެ އިންޒާރު ބާތިލުވުމުގެ ކުރިން، ފުރަތަ ދަރަޖައިން އިތުރު ކުށެއް ކުރުމުން މަގާމުގެ ފަންތި ދަށްކުރުން ނުވަތަ 14 (ސާދަ) ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް މުސާރަ ނުލިބޭ ގޮތަށް އޮފީހަށް ނުކުތުން މަނާކުރެވިދާނެއެވެ.
  2. ލިޔުމުން ދޭ އިންޒާރު ބާތިލުވުމުގެ ކުރިން ދެވަނަ ދަރަޖައިގެ ނުވަތަ ތިންވަނަ ދަރަޖައިގެ ކުށެއް ކޮށްފިނަމަ، މަގާމުގެ ފަންތި ދަށްކުރުން ނުވަތަ 14 (ސާދަ) ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް މުސާރަ ނުލިބޭ ގޮތަށް އޮފީހަށްނުކުތުން މަނާކުރެވިދާނެއެވެ. ނުވަތަ އެ ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި، މުވައްޒަފު ވަޒީފާއިން ވަކިކުރެވިދާނެއެވެ.

(ރ) އޮފީހަށް ނުކުތުން މަނާކޮށްފައިވާ މުވައްޒަފަކު ނުވަތަ މަގާމުގެ ރޭންކް ދަށްކޮށްފައިވާ މުވައްޒަފަކު، އެ ފިޔަވަޅު އެޅިތާ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ދެވަނަ ދަރަޖައިގެ ނުވަތަ ތިންވަނަ ދަރަޖައިގެ ކުށެއް ކޮށްފިނަމަ، އެ ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެ މުވައްޒަފު ވަޒީފާއިން ވަކިކުރެވިދާނެއެވެ.


275 ވަނަ މާއްދާ - އިތުރު ކުށެއްކުރުމުން ހާޒިރީއާ ގުޅޭ ކުށްތަކަށް ފިޔަވަޅު އެޅުމުގައި އިސްތިސްނާވުން 

(ހ) ކުށުގެ ދަރަޖަތަކަށް ރިއާޔަތްކޮށް އިސްލާހީ ފިޔަވަޅު އެޅުމަށްފަހު، ކުށް ތަކުރާރުވާ ކުށްތަކުގެ ތެރޭގައި ހާޒި ރީއާ ގުޅޭ ކުށްތައް އިސްތިސްނާވެގެންވެއެވެ. ހާޒިރުނުވުމާއި ގަޑިޖެހުމުގެ ކުށްތަކަށް ފިޔަވަޅު އަޅާނީ ތަކުރާރުވާ ކުށްތަކެއްގެ ބަދަލުގައި އެ ދަރަޖައެއްގައި ގަޑިޖެހިގެން ނުވަތަ ހާޒިރުނުވެގެން ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ މިންވަރަށް ބަލައިގެން އެ ދަރަޖައަކުން އެޅުމަށް ކަނޑައަޅައިފައިވާ ފިޔަވަޅެވެ.

(ށ) ހާޒިރީއާ ގުޅޭ ކުށްތަކަށް ފިޔަވަޅު އެޅުމުގައި މަސްދުވަހުގެ ތެރޭގައި ހާޒިރުވުމުގައި ފަރުވާކުޑަކުރުމުގެ ސަބަބުން ކުށްކުރާ ފަރާތްތަކަށް ގަވާއިދުން ފިޔަވަޅު އަޅަމުން ގެންދަންވާނެއެވެ. އަދި އަހަރުދުވަހުގެ ތެރޭގައި ހާޒިރުވުމާ ގުޅިގެން ކުށްކުރާ ފަރާތްތައް އަހަރު ނިމުމުން ފިޔަވަޅު އަޅަން މަޑުކުރުމެއް ނެތި، ގަވާއިދުގައި ބަޔާންކޮށްފައިވާ އަދަދު ހަމަވުމުން ފިޔަވަޅު އަޅަން އިސްކަންދޭންވާނެއެވެ. 


276 ވަނަ މާއްދާ - ޕަރމަނަންޓް ސެކްރެޓަރީންނާއި، ސެކްރެޓަރީ ޖެނެރަލުންގެ މައްސަލަތައް ބެލުން 

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޕަރމަނަންޓް ސެކްރެޓަރީންނާއި، ސެކްރެޓަރީ ޖެނެރަލުންނާ ގުޅޭ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނީ، މި ގަވާއިދުގައި ކަނޑައެޅިފައިވާ ކުށްތަކަށް ރިއާޔަތް ކުރުމުގެ ބަދަލުގައި، އެ މައްސަލައެއް ތަހުގީގު ކުރުމަށްފަހު، އެއިން ފަރާތެއް ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި،ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެފައިވާކަމަށް ކޮމިށަނަށް ސާބިތުވެ، ކުށުގެ އަމަލަށް ރިއާޔަތްކޮށް ކޮމިށަނުން އަޅަން ކަނޑައަޅާ ފިޔަވަޅެކެވެ. އެ ގޮތުން ސާބިތުވާ ކުށުގެ ކުޑަބޮޑުމިނަށް ބަލައި އަޅާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކެވެ.

(ހ) އަނގަބަހުން ނުވަތަ ލިޔުމުން ނަ ސޭހަތްދިނުން.

(ށ) ލިޔުމުން ދޭ އިންޒާރު ދިނުން.

(ނ) ވަޒީފާއިން ވަކިކުރުން.


277 - އިސްލާހީ ފިޔަވަޅުތަކަށް ލުއިދިނުމާއި ފިޔަވަޅު ބާތިލުކުރުން

(ހ) މުވައްޒަފުން ކުރާ ކުށްތަކަށް އެ ކުށެއްގެ ދަރަޖައަކުން އަޅަން ކަނޑައަޅައިފައިވާ އިސްލާހީ ފިޔަވަޅު މި ގަވާއިދާ އެއްގޮތަށް އެ އިދާރާއަކުން އެ މުވައްޒަފަކަށް އަޅަންވާނެއެވެ. އަދި ކުށުގެ ދަރަޖަތަކަށް ރިއާޔަތްކޮށް، އަޅަންކަނޑައަޅައިފައިވާ އިސްލާހީ ފިޔަވަޅު ބަދަލުކުރުމުގެ އިހްތިޔާރު، ސިވިލް ސަރވިސްގެ އެއްވެސް އިދާރާއަކަށް ލިބިގެނެއް ނުވެއެވެ.

(ށ) މުވައްޒަފަށް އަޅައިފައިވާ އިސްލާހީ ފިޔަވަޅާ ގުޅޭ ގޮތުން ނުވަތަ ވަޒީފާއިން ވަކިކުރުމަށް ނިންމައިފައިވާ މުވައްޒަފަކު، އެ މުވައްޒަފު ހިތްހަމަނުޖެހިގެން އެކަމުގެ ތަފުސީލާއެކު ސިވިލް ސަރވިސް ކޮމިށަނަށް ހުށަހެޅިއްޖެ ހިނދެއްގައި، އެކަށީގެންވާ ހަމަތަކަށް ބެލުމަށްފަހު، އެ ފިޔަވަޅު ދަށް ފިޔަވަޅަކަށް ނުވަތަ އެ ފިޔަވަޅު ބާތިލުކުރުމުގެ އިހްތިޔާރު، ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ. އަދި ވަޒީފާއިން ވަކިކުރަން ނިންމައިފައިވާ ފަރާތެއްނަމަ، ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި އެކަށީގެންވާ އެހެން އިސްލާހީ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު، ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

 

278 - ޑިއު ޕްރޮސެސް 

މުވައްޒަފުންނާ ގުޅޭ މައްސަލަތައް ބަލަންވާނީ އެކަށީގެންވާފަދަ އަވަސް މިނެއްގައި، އިޖުރާއީ އަދުލުވެރިކަމުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި މިގޮތުން ބަލާ މައްސަލަތައް ބަލައި، އެއްވެސް އިސްލާހީ ފިޔަވަޅެއް އަޅަންވާނީ، މައްސަލަ ރައްދުވާ މުވައްޒަފަށް ޖަވާބުދާރީވުމުގެ ފުރުސަތުދީ، ހާމަކަމާއި ހަމަހަމަކަމާއެކުގައެވެ.


279 ވަނަ މާއްދާ - މައުލޫމާތު ރައްކާކުރުމާ ސިއްރު ހިފެހެއްޓުން

މުވައްޒަފާ ގުޅޭ ގޮތުން ބަލާ އެއްވެސް މައްސަލައެއްގެ މައުލޫމާތު، ކަމާ ގުޅުން ނެތް ފަރާތްތަކާ ހިއްސާކޮށްގެން ނުވާނެއެވެ. އަދި އެ މައުލޫމާތުތަކާއި އެއާ ގުޅޭ އެންމެހައިމައުލޫމާތުތައް ހުންނަންވާނީ ރައްކައުތެރިކަމާއެކު ރައްކައުކުރެވިފައެވެ. އަދި އޭގެ ސިއްރު ހިފަހައްޓަންވާނެއެވެ.


280 ވަނަ މާއްދާ - މައްސަލަ ތަހުގީގުކުރުން 

(ހ) މުވައްޒަފަކާ މެދު ތުހުމަތުކުރެވޭ މައްސަލައެއްގެ ހަގީގަތް ދެ ގޮތަކަށް ހޯދިދާނެއެވެ. އެއީ މައްސަލައިގެ ބާވަތުން ލިޔެކިއުންތަކުން ފެންނަން ހުރި ހެކިތަކަށާއި، ނުވަތަ ހެކިންގެ ހެކިބަހުން ހޯދާ ހެކިތަކަށް ރިއާޔަތްކޮށްގެންނެވެ. ބަލަމުންދާ މައްސަލައަކީ ހެކިންގެ ބަޔާން ނަގަންޖެހޭ ފަދަ މައްސަލައެއްކަމުގައި ވާނަމަ އަމަލުކުރާނީ ތިރީގައި މިވާ ގޮތުގެ މަތީންނެވެ.

  1. މައްސަލަ ނުވަތަ ށަކުވާ ރައްދުވާ މުވައްޒަފުގެ ބަޔާން ފުރަތަމަ ނެގުން.
  2. މައްސަލަ ނުވަތަ ށަކުވާއާ ގުޅޭ ގޮތުން މައުލޫމާތު ލިބިފައިވާކަމަށް ބެލޭ މުވައްޒަފުން ގެ ނުވަތަ މީހުންގެ ބަޔާން ނެގުން. 
  3. ހެކިވެރީންގެ ބަޔާން ނެގުމަށްފަހު، މައްސަލަ ނުވަތަ ށަކުވާ ރައްދުވާ މުވައްޒަފުގެ ބަޔާން ނަގަންޖެހޭކަމަށް ތަހުގީގު ކޮމެޓީއަށް ފެންނަ ހާލަތުގައި މުވައްޒަފުގެ އިތުރު ބަޔާނެއް ނެގުން.

(ށ) ބަލަމުންދާ މައްސަލައަކީ ހެކިންގެ ބަޔާން ނަގަންނުޖެހޭ މައްސަލައެއްނަމަ،ށަކުވާ ރައްދުވާ މުވައްޒަފުގެ ބަޔާންނަގައި، އިސްލާހީ ފިޔަވަޅު އަޅަންޖެހޭ ނަމަ، ޖަވާބުދާރީވުމުގެ ފުރުސަތު ށަކުވާ ރައްދުވާ މުވައްޒަފަށް ދޭންވާނެއެވެ.

(ނ) މުވައްޒަފާ މެދު އިސްލާހީ ފިޔަވަޅު އަޅަންޖެހޭ ބައެއް މައްސަލަތަކަކީ ހެކީންގެ ހެކިބަހާއި މުވައްޒަފުގެ ބަޔާން ނެގުމަކާ ނުލައި މައްސަލައެއް ބަލައި ފިޔަވަޅު އަޅަންޖެހޭ ފަދަ މައްސަލައެއް ކަމުގައި ވެދާނެއެވެ. ނަމަވެސް އެފަދަ މައްސަލަތަކުގައި މުވައްޒަފަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭންވާނެއެވެ. މިސާލަކަށް ވަޒީފާއަށް ހާޒިރުނުވުން ނުވަތަ ހާޒިރީއަށް ފަރުވާކުޑަކުރުން ފަދަ މައްސަލަތައް.

(ރ) ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ސިވިލް ސަރވިސް ކޮމިށަނުން ތަހުގީގުކުރާ މައްސަލައެއްގެ ހެކިބަސް ހޯދުމަށް ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، އެ ނޫންވެސް ފަރާތްތައް ހާޒިރުކުރުމާއި، އެ ފަރާތްތަކުން ހޯދަންޖެހޭ ލިޔުންތަކާއި މައުލޫމާތު ހޯދުމުގެ ބާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ. ތަހުގީގުކުރުމަށް ޓަކައި ވަންނަންޖެހޭ ސިވިލް ސަރވިސްގެ އިދާރާތަކަށް، ނޯޓިސް ދިނުމަކާ ނުލައި ވަނުމުގެ ބާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ. 


281 ވަނަ މާއްދާ - ބަލަމުންދާ މައްސަލައަކާ ގުޅިގެން މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރުން 

މުވައްޒަފަކާ މެދު ތުހުމަތު ކުރެވޭ މައްސަލައެއް ބެލުމަށް ނުވަތަ މައްސަލައެއް ބަލަމުންދާ ވަގުތެއްގައި އެ މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރުމުގައި އަމަލުކުރާނީ މި ގަވާއިދުގެ ޗެޕްޓަރ 27 ގައިވާ ގޮތުގެ މަތީންނެވެ.


282 ވަނަ މާއްދާ - ތަހުގީގު ކޮމެޓީ 

މުވައްޒަފާއި ހެކިވެރިންނާ ސުވާލުކޮށްގެން އެ ފަރާތްތަކުގެ ބަޔާން ނަގަންޖެހޭ ގޮތަށް ހިންގަންޖެހޭ ތަހުގީގުތައް ހިންގުމަށް ޓަކައި، 3 (ތިނެއް) މުވައްޒަފުން ހިމެނޭ ގޮތަށް ތަހުގީގު ޓީމެއް އެކުލަވައިލަންވާނެއެވެ. އަދި ސިވިލް ސަރވިސްގެ އިދާރާތަކުން ތަހުގީގު ޓީމު އެކުލަވައިލުމަށް އެ އިދާރާއެއްގެ އެޗް.އާރު.އެމް.ޑީ ކޮމެޓީގެ މަށްވަރާ ހޯދިދާނެއެވެ. 


283 ވަނަ މާއްދާ - ތަހުގީގު ތަކުގެ ޔައުމިއްޔާ ލިޔުމާއި ރިކޯޑުކުރުން

ތަހުގީގުގައި ސުވާލުކުރެވޭ މުވައްޒަފާއި، ހެކިވެރީންގެ ބަޔާންތައް ހުންނަންވާނީ އަކުރުން އަކުރަށް ލިޔެވި ޔައުމިއްޔާ ކުރެވިފައެވެ. އަދި ތަހުގީގުގެ އޯޑިއޯ ރެކޯޑިންގ ހުންނަންވާނެއެވެ.

 

284 ވަނަ މާއްދާ - ކުށް ސާބިތުކުރުމުގައި ބަލާ މިންގަނޑު 

ގާނޫނު ނަންބަރު 2007-05 (ސިވިލް ސަރވިސްގެ ގާނޫނު) އާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވިކަމަށް ތުހުމަތުކުރެވޭ މުވައްޒަފުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ބަލާނީ، މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށް ޓަކައި ސާބިތުވާން އޮންނަ މިންގަނޑުކަމަށްވާ، މައްސަލައާ ގުޅިގެން ލިބިފައިވާ ހެއްކާއި ގަރީނާތައް ވަޒަންކުރުމަށްފަހު ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށެވެ.


285 ވަނަ މާއްދާ - ޖިނާއީ ކުށްތަކަށް ތުހުމަތުކުރެވޭ މުވައްޒަފުންގެ މައްސަލަ ބެލުން 

ޓެރަރިޒަމްގެ ކުށްތަކާއި، ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ފަދަ ޖިނާއީ ބޮޑު ކުށަކަށް ތުހުމަތުކުރެވޭ މުވައްޒަފުންގެ މައްސަލަ ބެލުމުގައި އަމަލުކުރާނީ މި މާއްދާގައިވާ ގޮތުގެ މަތީންނެވެ.

(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް ކުރިކަމަށް ސިވިލް ސަރވިސްގެ މުވައްޒަފަކަށް ތުހުމަތުކުރެވޭނަމަ، އެ މުވައްޒަފަކު މި ގަވާއިދުގައިވާ ގޮތުގެ މަތީން ވަޒީފާއަށް ނުކުތުން މަނާކުރަންވާނެއެވެ.

(ށ) ޖިނާއީ މައްސަލައެއް ބެލުމުގެ އިހްތިސާސް ލިބިގެންވާ އިދާރާއަކުން އެ މައްސަލައެއް ބެލުމަށްފަހު، އެ މައްސަލައިގެ އެ މުވައްޒަފު ބައިވެރިވެފައިވާ މިންވަރު ބެލުމަށްޓަކައި ބޮޑަށް ބުރަވެވޭ މިންގަނޑުން، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި، މި ގަވާއިދާއި ހިލާފުވިކަމަށް ސާބިތުވާނަމަ، އެ މުވައްޒަފަކާ މެދު އިސްލާހީ ފިޔަވަޅު އެޅުން ނުވަތަ ކުށުގެ ކުޑަބޮޑުމިނަށް ބަލައިފައި ވަޒީފާއިން ވަކިކުރަންވާނެއެވެ.

(ނ) ޖިނާއީ މައްސަލަތަކަށް ތުހުމަތުކުރެވޭ ސިވިލް ސަރވިސްގެ މުވައްޒަފުންގެ އިދާރީ މައްސަލަތައް ބަލާނީ ސިވިލް ސަރވިސް ކޮމިށަނުންނެވެ. 


286 ވަނަ މާއްދާ - މައްސަލަ ބެލި ގޮތުގެ ރިޕޯޓު 

(ހ) މުވައްޒަފު ކުރާ ކުށްތަކަށް އިސްލާހީ ފިޔަވަޅު އެޅުމުގެ ކުރިން، ކުރި ކުށާ ގުޅިގެން މައްސަލަ ބެލި ގޮތުގެ ރިޕޯޓު އެކުލަވައިލަންވާނެއެވެ. މައްސަލަ ބެލިގޮތުގެ ރިޕޯޓު އޮންނަންޖެހޭ ގޮތުގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 27 ގައި އެވަނީއެވެ.

(ށ) މުވައްޒަފަކާ ގުޅޭ ގޮތުން މައްސަލައެއް ބެލުމަށްފަހު، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމައިފައި ވާނަމަ، ނުވަތަ މައްސަލަ ބަލައިފައިފައިލްކޮށްފިނަމަ، އެ މައްސަލަ ރައްދުވި މުވައްޒަފަށް ލިޔުމުން އެކަން އަންގަންވާނެއެވެ. 


287 ވަނަ މާއްދާ - ޖަވާބުދާރީވުމުގެ ފުރުސަތު ދިނުން 

(ހ) އިސްލަހީ ފިޔަވަޅެއްގެ ގޮތުން މުވައްޒަފެއްގެ ރޭންކް ދަށްކުރާނަމަ، ނުވަތަ ވަޒީފާއަށް ނުކުތުން މަނާކުރާނަމަ ނުވަތަ ވަޒީފާއިން ވަކިކުރާނަމަ، ޖަވާބުދާރީވުމަށް 5 (ފަހެއް) ދުވަހުގެ ފުރުސަތެއް، މުވައްޒަފަށް ދޭންވާނެއެވެ. ސީ.އެސް ވިއުގަ މެދުވެރިކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ދެވޭ އިދާރާތަކުން އެ ލިޔުން ތައްޔާރުކުރަންވާނީ، ސީ.އެސް ވިއުގައިންނެވެ. އަދި ސީ.އެސް ވިއުގަ މެދުވެރިކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ތައްޔާރުކުރެވެން ނެތް އިދާރާތަކުން،މި ގަވާއިދުގެ ޖަދުވަލު 28 ގައިވާ "ޖަވާބުދާރީވުމުގެ ފުރުސަތު" ގެ ނަމޫނާ ބޭނުންކުރެވިދާނެއެވެ.

(ށ) ޖަވާބުދާރީވުމުގެ ފުރުސަދު ދޭއިރު، މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ގެ ކޮޕީއެއް މުވައްޒަފާ ހަވާލުކުރަންވާނެއެވެ. އަދި މުވައްޒަފަށް ހަވާލުކުރާ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި 3 ވަނަ ފަރާތެއްގެ ނަން ހިމެނޭނަމަ އެ އޮންނަންވާނީ އުނިކުރެވިފައެވެ.  


288 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުމަށް ނުވަތަ އިސްލާހީ ފިޔަވަޅު އެޅުމަށް ހުށަހެޅުން 

(ހ)  މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ސިވިލް ސަރވިސްގެ އިދާރާތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށާއި، ވަޒީފާގެ ފަންތި ދަށްކުރުން ނުވަތަ އޮފީހަށް ނުކުތުން މަނާކުރުން ފަދަ ފިޔަވަޅެއް އެޅުމަށްޓަކައި، މުވައްޒަފާ މެދު ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގުކޮށް، މައްސަލައާ ގުޅޭ އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. 

  1. (ށ) ސިވިލް ސަރވިސް މުވައްޒަފަކަށް އިސްލާހީ ފިޔަވަޅު އެޅުމަށް ސިވިލް ސަރވިސް ކޮމިށަނަށް ހުށަހަޅާއިރު، ތިރީގައި މިވާ ކަންކަން ފުރިހަމަކުރަންވާނެއެވެ. 
    މުވައްޒަފު ވަޒީފާއިން ވަކިކުރުން، ނުވަތަ މަގާމުގެ ރޭންކް ދަށްކުރުން ނުވަތަ ވަޒީފާއަށް ނުކުތުން މަނާކުރުމަށް އެދި ހުށަހަޅާއިރު، ޖަވާބުދާރީވުމުގެ ފުރުސަތު މުވައްޒަފާ ހަވާލުކޮށްފައިވާކަން އެނގޭނެ ލިޔުން ހުށަހެޅުން. 
  2. ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތުގައި ޖަވާބުދާރީ ވެފައި ނުވާނަމަ،އެކަން އެނގޭނެ ލިޔުން ހުށަހެޅުން. 
  3. މުވައްޒަފާ ގުޅޭ ގޮތުން ބަލައިފައިވާ މައްސަލައިގެ ތަހުގީގު ރިޕޯ ޓާއި،ބަޔާންތަކާއި، މައްސަލައާ ގުޅޭ އެހެނިހެން ލިޔުންތައް ހުށަހެޅުން.

(ނ) މި މާއްދާގައިވާ ގޮތުގެ މަތީން އިދާރާތަކުން ހުށަހަޅާ ކަންކަމަށް ރިއާޔަތްކޮށް، މުވައްޒަފު ކޮށްފައިވާ ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެކަށީގެންވާ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ. އަދި މުވައްޒަފާ މެދު އަޅާ ފިޔަވަޅެއް، އެ ފިޔަވަޅެއް އެޅިތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ލިޔުމުން މުވައްޒަފަށް އަންގަންވާނެވެ.

(ރ) މުވައްޒަފަކާ ގުޅޭ ގޮތުން ތަހުގީގެއްކޮށް، އެ ތަހުގީގު ނިމުމަށްފަހު، އެ މުވައްޒަފަކަށް ފިޔަވަޅު އަޅަން ނިންމައިފައި ނުވާނަމަ، ނުވަތަ އެ މުވައްޒަފު ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި ގަވާއިދާ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެފައިވާކަމަށް ސާބިތު ނުވާނަމަ އެ މުވައްޒަފަށް ލިޔުމުން އެކަން އަންގަންވާނެއެވެ. 


289 ވަނަ މާއްދާ - ލިޔުންތައް ހަވާލުކުރުން 

(ހ)  ސީ.އެސް. ވިއުގައިން މުވައްޒަފުންނަށް ފިޔަވަޅު އެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާނަމަ، މުވައްޒަފުންނަށް ފިޔަވަޅު އަޅާނީ ސީ.އެސް ވިއުގަ މެދުވެރިކޮށް ތައްޔާރުކުރެވޭ ލިޔުންތަކުންނެވެ. އަދި މުވައްޒަފާމެދު ފިޔަވަޅު އަޅައި، ފިޔަވަޅު އެޅުނު ތާރީހެއްގައި އެ ލިޔުންތައް މުވައްޒަފާ ހަވާލު ކުރަންވާނެއެވެ.

(ށ) މުވައްޒަފަކަށް އިސްލާހީ ފިޔަވަޅު އެޅުނުކަމުގައި ބަލާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކަނޑައެޅިފައިވާ އިޖު ރާއަތުތަކާ އެއްގޮތަށް މުވައްޒަފަށް އަޅާ އިސްލާހީ ފިޔަވަޅުތައް އަޅައި، އެ ލިޔުން މުވައްޒަފާ ހަވާލުކުރުމުންނެވެ.

(ނ) މުވައްޒަފަށް އަޅާ އިސްލާހީ ފިޔަވަޅުތައް، އެ މުވައްޒަފުގެ އީމެއިލް އެޑްރެހަށާއި ސީ.އެސް ވިއުގަ އޮންލައިން ޕޯޓަލުން މުވައްޒަފުގެ އެކައުންޓަށް ފޮނުވުމަކީ އެ މުވައްޒަފަށް އެ ލިޔުން ހަވާލުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސަޕޯޓް ސަރވިސްގެ ރޭންކުގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހަވާލުކުރަންޖެހޭ ލިޔުންތައް، އެ މުވައްޒަފުގެ އަތަށް ނުވަތަ އެޑްރެސްއަށް ހަވާލުކުރަންވާނެއެވެ.


290 ވަނަ މާއްދާ - މައްސަލަތަކާއި، ކުށުގެ ރިކޯޑު ތަކާއި، އަޅާ އިދާރީ ފިޔަވަޅުތަކުގެ ރިކޯޑު ބެލެހެއްޓުން 

(ހ) ސިވިލް ސަރވިސްގެ މުވައްޒަފުންނާ ގުޅޭ މައްސަލަތައް ބަލައި އެ މައްސަލަތަކުގެ ލިޔެކިއުންތަކާއި މުވައްޒަފުންނަށް އަޅާ ފިޔަވަޅުތަކުގެ ލިޔެކިއުންތައް ހުންނަންވާނީ، ސީ.އެސް. ވިއުގައަށް އަޅައި އަދާހަމަކުރެވިފައެވެ.

(ށ) މުވައްޒަފާ ގުޅޭ ގޮތުން ބަލައިފައިވާ މައްސަލަތަކާއި، އަޅައިފައިވާ އިސްލާހީ ފިޔަވަޅުތައް ސީ.އެސް. ވިއުގައިން ހުއްދަ ދީފައިވާ ފަރާތްތަކަށް ފެންނަން ހުންނާނެއެވެ. އަދި އެ މުވައްޒަފެއްގެ ސީ.އެސް. ވިއުގަ ޕޯޓަލުގައި މުވައްޒަފަށް ފެންނަން ހުންނާނެއެވެ.


291 ވަނަ މާއްދާ - މުވައްޒަފާ މެދު އަޅާ ފިޔަވަޅާ ގުޅިގެން ށަކުވާ ހުށަހެޅުން 

(ހ)  މުވައްޒަފަށް އިސްލާހީ ފިޔަވަޅު އަޅައިފައިވަނީ ނުވަތަ ވަޒީފާއިން ވަކިކޮށްފައިވަނީ މި ގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި އިޖުރާއަތުތަކާ ހިލާފަށްކަމުގައި މުވައްޒަފަށް ގަބޫލުކުރެވޭނަމަ، އެކަމުގެ ށަކުވާ ސިވިލް ސަރވިސް ކޮމިށަނަށް ހުށެހެޅިދާނެއެވެ. މުވައްޒަފަށް އަޅައިފައިވާ އިސްލާހީ ފިޔަވަޅަކާ ގުޅިގެން ށަކުވާ ހުށަހަޅަންވާނީ ސިވިލް ސަރވިސް ކޮމިށަނަށެވެ. އެފަދަ ށަކުވާއެއް ބެލުމުގެ އިހްތިޔާރު ސިވިލް ސަރވިސްގެ އެއްވެސް އިދާރާއަކަށް ލިބިގެނެއް ނުވެއެވެ. 

(ށ) މި މާއްދާގައިވާ ގޮތުގެ މަތީ ން މުވައްޒަފު ހުށަހަޅާ ށަކުވާ އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި ސިވިލް ސަރވިސް ކޮމިށަނުން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ށަކުވާ ހުށަހެޅި މުވައްޒަފަށް ޖަވާބުދޭންވާނެއެވެ. މުވައްޒަފަކަށް އަޅައިފައިވާ ފިޔަވަޅަކާ ގުޅިގެން މުވައްޒަފު ހުށަހަޅާ ށަކުވާއަށް (ނ)އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޖަވާބެއް ނުލިބިއްޖެނަމަ ނުވަތަ ދީފައިވާ ޖަވާބަކީ އެ މުވައްޒަފު ހިތްހަމަޖެހޭ ޖަވާބަކަށް ނުވާނަމަ އެކަމެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ އިހްތިޔާރު އެ މުވައްޒަފަކަށް ލިބިގެންވެއެވެ. 


292 ވަނަ މާއްދާ - މައްސަލައެއް ބަލަމުންދަނިކޮށް މުވައްޒަފު ވަޒީފާ އަދާކުރާ އިދާރާ ބަދަލުވުން 

(ހ) މުވައްޒަފަކަށް ތުހުމަތު ކުރެވިފައިވާ ކުށެއްގެ މައްސަލައެއް ބަލަމުން ދަނިކޮށް، ސިވިލް ސަރވިސްގެ ހިދުމަތުން މެދުކެނޑުމެއް ނެތި، އެހެން އިދާރާއަކަށް ބަދަލުވިކަމުގައި ވިޔަސް، އެ މުވައްޒަފުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ މި ގަވާއިދާ އެއްގޮތަށް ސިވިލް ސަރވިސް ކޮމިށަނުން ކުރިއަށް ގެންދަންވާނެއެވެ.

(ށ) މުވައްޒަފަކަށް ތުހުމަތު ކުރެވިފައިވާ ކުށެއްގެ މައްސަލައެއް ބަލަމުން ދަނިކޮށް، ސިވިލް ސަރވިސްގެ ހިދުމަތުން މެދުކެނޑިފައިވާ މުވައްޒަފަކު އަލުން ސިވިލް ސަރވިސްގެ ވަޒީފާއަކަށް ވަންނައިރު، ތުހުމަތު ކުރެވިފައިވާ ކުށާ ގުޅިގެން ވަޒީފާ ދިނުމާ ގުޅޭ ގޮތުން މި ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.


293 ވަނަ މާއްދާ - މައްސަލައެއް ބަލަމުންދާ ވަގުތެއްގައި އެ މައްސަލައިގައި ހިމެނޭ މުވައްޒަ ފަކު ވަޒީފާއިން ވަކިވާން އެދުން 

މުވައްޒަފަކަށް ތުހުމަތު ކުރެވިފައިވާ ކުށެއްގެ މައްސަލައެއް ބަލަމުން ދަނިކޮށް، އެ މުވައްޒަފު ވަޒީފާއިން ވަކިވާން އެދިއްޖެ ހާލަތެއްގައި، އެ މުވައްޒަފު ވަޒީފާއިން ވަކިކުރާނީ، ބަލަމުންދާ މައްސަލަ ނިމުމުންނެވެ. އަދި ތުހުމަތުކުރެވިގެން ބަލައިފައިވާ މައްސަލައިގެ ރިކޯޑު އެ މުވައްޒަފެއްގެ ސީ.އެސް ވިއުގަ ޕްރޮފައިލުގައި ބަހައްޓަންވާނެއެވެ. އަދި މި މުވައްޒަފު ވަޒީފާއިން ވަކިކުރާނީ އެދިގެން ވަޒީފާއިން ވަކިވާ މީހެއްގެ ގޮތުގައެވެ.


294 ވަނަ މާއްދާ - ޖިނާއީ ކުށްތަކަށް ތުހުމަތުކުރެވޭ މުވައްޒަފުންގެ މައްސަލަތައް ކަމާ ގުޅުންހުރި އިދާރާތަކަށް ރިޕޯޓު ކުރުން 

(ހ)  ސިވިލް ސަރވިސްގެ މުވައްޒަފަކަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލައި އިދާރީގޮތުން އިސްލާހީ ފިޔަވަޅެއް އެޅުނުކަމުގައި ވިޔަސް، އެ ފަދަ މުވައްޒަފެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭ ނަމަ، އެ މުވައްޒަފު ވަޒީފާ އަދާކުރާ އިދާރާއަކުން ކަމާ ގުޅޭ އިދާރާއަކަށް އެކަން ރިޕޯޓުކުރަން ވާނެއެވެ.

(ށ) މި ގަވާއިދުގައިވާ ގޮތަށް ށަކުވާއެއް ބެލުމާމެދު ގޮތެއް ނިންމުމަށް ބެލި ބެލުމުގައި، އެ ށަކުވާގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ ޖިނާއީ ކުށަކާ ގުޅުންހުރި ކަމެއްކަމުގައި ގަބޫލުކުރެވޭނަމަ، އެ ފަދަ ޖިނާއީ މައްސަލައެއް ބެލުމަށް ގާނޫނުން މަތިކޮށްފައިވާ ތަހުގީގީ އިދާރާއަކަށް އެ ށަކުވާއެއް ރިޕޯޓުކުރަންވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އެ ށަކުވާއެއް ތަހުގީގީ އިދާރާއަކަށް ރިޕޯޓުކުރި ކަމުގައި ވި ޔަސް، އެ ށަކުވާއެއް މި ގަވާއިދާ އެއްގޮތަށް ބަލައި ފިޔަވަޅު އެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.


295 ވަނަ މާއްދާ - މާއްދީ ގެއްލުންތަކަށް ބަދަލު ނެގުން 

މުވައްޒަފުން އިދާރާގެ ތަކެއްޗަށް ގަސްތުގައި ދޭ ގެއްލުންތަކަށާއި ނުވަތަ މުވައްޒަފުގެ ފަރާތުން ވި ބޮޑު އިހުމާލެއްގެ ސަބަބުން އިދާރާއަށް ލިބޭ ގެއްލުންތަކަށް، އެ ދީފައިވާ ގެއްލުމެއް ނުވަތަ ލިބުނު ގެއްލުމެއް، މި ގަވާއިދާ އެއްގޮތަށް ތަހުގީގު ކުރުމަށްފަހު، ދީފައިވާ ގެއްލުން ނުވަތަ ލިބިފައިވާ ގެއްލުން އަގުކޮށް، އެ މުވައްޒަފުގެ ފަރާތުން ފައިސާއިން ބަދަލު ނެގިދާނެއެވެ. 


296 ވަނަ މާއްދާ - މާއްދީ ގެއްލުމަށް ބަދަލު ދެއްކުމާއި ބަދަލުގެ މިންވަރު ކަނޑައެޅުން

(ހ) މުވައްޒަފުގެ ފުށުން ލިބުނު މާއްދީ ގެއްލުމެއްގެ ބަދަލު އެ މުވައްޒަފު އަމިއްލައަށް އެއްފަހަރާ ވެސް ދެއްކިދާނެއެވެ. ނުވަތަ އެކި މަސްތަކަށް ބަހައިލައިގެން ދައްކައި ހަލާސްކުރާގޮތަށް ހަމަޖެއްސިދާނެއެވެ.

(ށ) މުވައްޒަފެއްގެ ފުށުން ލިބުނު މާއްދީ ގެއްލުމެއްގެ ބަދަލު ނެގުމުގެ ގޮތުން އެކި މަސްތަކަށް ބަހައިލައިގެން ދައްކާ ހަލާސްކުރާގޮތަށް ނެގޭ ފައިސާގެމިންވަރު ކަނޑައަޅާނީ، އެ މުވައްޒަފުގެ މަހު މުސާރައިން %33 (ތިރީސް ތިނެއް އިންސައްތަ) އަށްވުރެ އިތުރުނުވާ ގޮތުގެ މަތީން އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާއެވެ. އެ ފައިސާ މަހު މުސާރައިން %33 (ތިރީސް ތިނެއް އިންސައްތަ) އަށް ވުރެ އިތުރަށް ނެގޭނީ މުވައްޒަފު އެކަމަށްއިއުތިރާޒު ނުކުރާނަމައެވެ.

(ނ) މި ގަވާއިދުގައި މިހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފައިސާއާ ގުޅޭ ކަންކަމުގައި ވަކި ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި މުވައްޒަފުންގެ ފަރާތުން ބަދަލު ނެގުމާ ގުޅޭ ގޮތުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން އެކަން ކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

ޗެޕްޓަރ 29

ށަކުވާ ހުށަހެޅުމާއި، ށަކުވާ ބެލުން

 

297 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން 

(ހ) ސިިވިލް ސަރވިސް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުންނާއި، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ކަންކަމާ ގުޅޭ ށަކުވާތައް ހުށަހަޅާނެ ގޮތްތަކާއި، ށަކުވާ ބަލައިގަތުމާއި، އެ ށަކުވާތައް ބެލުމުގައި އަމަލުކުރާނީ މި ޗެޕްޓަރުގައި ކަނޑައެޅިފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. 

(ށ) ސިިވިލް ސަރވިސް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތަކާ ގުޅޭ ގޮތުން ނުވަތަ ސިވިލް ސަރވިސްގެ މުވައްޒަފަކާ ގުޅޭ ގޮތުން ހުށަހަޅާ ށަކުވާއެއްގައި ބަލަންޖެހޭ މައްސަލައެއް އޮތްކަމަށް ބެލޭވޭނަމަ، އެފަދަ މައްސަލައެއް ބެލުމުގައި އަމަލުކުރާނީ، މި ގަވާއިދުގެ ޗެޕްޓަރު 28 ގައިވާ ގޮތުގެ މަތީ ންނެވެ.


298 ވަނަ މާއްދާ - ސިވިލް ސަރވިސްގެ އިދާރާތަކަށް ނުބެލޭނެ ށަކުވާތަކާއި މައްސަލަތައް 

މިި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހިނދެއްގައި، މި މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ ށަކުވާތަކާއި މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވަނީ ހަމައެކަނި ސިވިލް ސަރވިސް ކޮމިށަނަށެވެ. އަދި މިފަދަ އެއްވެސް މައްސަލައެއް އެއްވެސް އިދާރާއަކަށް ބަލައި ގޮތްތައް ނިންމުމުގެ ބާރު ލިބިގެނެއް ނުވެއެވެ. އަދި އެފަދަ ށަކުވާއެއް ނުވަތަ މައްސަލައެއް ބަލައި، ނިންމާ ނިންމުންތަކަކީ ބާތިލު ނިންމުންތަކެވެ. 

(ހ) ސިވިލް ސަރވިސްގެ މުވައްޒަފަކަށް އިސްލާހީ ފިޔަވަޅު އެޅުމާއި، ވަޒީފާއިން ވަކިކުރުމާ ގުޅޭގޮތުން ހުށަހެޅޭ ށަކުވާތައް.

(ށ) މިނިސްޓްރީތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނާއި، ޕަރމަނަންޓް ސެކްރެޓަރީންނަށް ރިޕޯޓުކުރަންނުޖެހޭ ގޮތަށް ގާއިމްވެފައިވާ އިދާރާތަކުގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިންނާ ގުޅޭ ށަކުވާތަކާއި، ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނާ ގުޅޭ ގޮތުން ހުށަހަޅާ ށަކުވާތައް.


299 ވަނަ މާއްދާ - ގަވާއިދާ ހިލާފު ކަންތައްތައް ރިޕޯޓުކުރުން 

(ހ) ސިިވިލް ސަރވިސްގެ މުވައްޒަފުން، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި، މި ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާ ހިލާފަށް އަމަލުކުރާނަމަ، ނުވަތަ އަމަލުކުރިކަމަށް ގަބޫލުކުރެވޭ ކޮންމެ ފަރާތަކަށް އެ އަމަލު ހިންގި މުވައްޒަފު ވަޒީފާ އަދާކުރާ އިދާރާއަށް ށަކުވާ ހުށަހެޅިދާނެއެވެ. ނަމަވެސް އެ އަމަލު ހިންގި ފަރާތަކީ އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާނަމަ، ނުވަތަ އެ އަމަލު ހިންގި ފަރާތާއި އެ އިދާރާގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާއާ އެއްވެސް ގުޅުމެއް ވާނަމަ، އެފަދަ ށަކުވާ ހުށަހަޅަންވާނީ ސިވިލް ސަރވިސް ކޮމިށަނަށެވެ.

(ށ) ސިވިލް ސަރވިސް މެދުވެރިކޮށް ދައުލަތުން ދެމުންދާ ހިދުމަތަކާ މެދު ހިތްހަމަނުޖެހޭ ކޮންމެ ރައްޔިތަކަށް ވެސް މި ގަވާއިދުގައިވާ ގޮތުގެ މަތީން، އެ އިދާރާއަކަށް ނުވަތަ ސިވިލް ސަރވިސް ކޮމިށަނަށް ށަކުވާ ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަކި ގާނޫނަކުން ވަކި ގޮތަކަށް ނުވަތަ ވަކި ފަރާތަކަށް ށަކުވާ ނުވަތަ މައްސަލަތައް ހުށަހަޅަން ކަނޑައަޅައިފައި ވާނަމަ، އެފަދަ ށަކުވާތައް އެ ގާނޫނުގައި ކަނޑައެޅިފައިވާ ގޮތަށް ހުށަހެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.


300 ވަނަ މާއްދާ - ގަވާއިދާ ހިލާފު ކަންތައްތައް ރިޕޯޓުކުރާ ފަރާތްތަކަށް ލިބިދެވޭ ހިމާޔަތް 

ގާާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި، މި ގަވާއިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ މުވައްޒަފަކު ހިލާފުވެއްޖެކަމަށް ތުހުމަތުކުރެވިގެންނުވަތަ ހިލާފުވެއްޖެކަމަށް ގަބޫލުކުރެވިގެން އެކަން، އެ އޮފީހެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާއަށް ނުވަތަ ސިވިލް ސަރވިސް ކޮމިށަނަށް ރިޕޯޓުކުރި މުވައްޒަފަކާބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް މުއައްސަސާއަކުން ހާމަކޮށްގެން ނުވާނެއެވެ. އަދި އެފަދަ ރިޕޯޓެއް ކުރިކަންދެނެހުރި އެއްވެސް މީހަކު، އެ މުވައްޒަފަކާ މެދުގައި ނިކަމެތިކޮށްހިތައި، ނުވަތަ އެ މުވައްޒަފަކު ނިކަމެތިކުރުމުގެ ގޮތުން ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެއެވެ.


301 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގެ މުއްދަތު 

(ހ) ސިިވިލް ސަރވިސްގެ މަގާމަކަށް މުވައްޒަފަކު އައްޔަނުކުރުމާ ގުޅޭގޮތުން ހުށަހެޅޭ ށަކުވާތައް ބަލާނީ، އެ މަގާމަށް މުވައްޒަފު އައްޔަނުކުރި ތާރީހުން ފެށިގެން ރަސްމީ ބަންދުދުވަސްތައް ހިމަނައިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކޮމިށަނަށް ހުށަހެޅޭ ށަކުވާތައް. 

(ށ) އިިސްލާހީ ފިޔަވަޅު އެޅުމާއި، ވަޒީފާއިން ވަކިކުރުމާ ގުޅޭ ށަކުވާތައް ބަލާނީ، އިސްލާހީ ފިޔަވަޅު އެޅި ތާރީހުން ފެށިގެން ނުވަތަ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކޮމިށަނަށް ހުށަހަޅާ ށަކުވާތައް.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާކޮށްފައިވާ ފަދަ ށަކުވާތައް ފިޔަވައި، މުވައްޒަފަކާ މެދު އިދާރާއަކުން އަމަލުކުރި ގޮތުން، އެ މުވައްޒަފަކަށް މި ގަވާއިދުން ނުވަތަ ގާނޫނަކުން ލިބިފައިވާ ހައްގެއް ގެއްލިފައިވާކަމަށް ގަބޫލުކުރެވިގެން އެކަން ހިނގިތާ ރަސްމީ ބަންދުދުވަސްތައް ހިމަނައިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ހުށަހަޅާ ށަކުވާތައް.

(ރ) މި މާއްދާގެ (ހ) އާއި، (ށ) އާއި ، އާއި، (ނ) ގައި ބަޔާކޮށްފައިވާ ށަކުވާތައް ފިޔަވައި އެހެން ށަކުވާއެއް ސިވިލް ސަރވިސް ކޮމިށަނަށް ހުށަހެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.


302 ވަނަ މާއްދާ - ހިޔާލު ހުށަހެޅުން 

(ހ) ސިވިލް ސަރވިސްގެ އިދާރާއެއްގެ ހިންގުމާ ގުޅޭ ގޮތުން، ނުވަތަ ސިވިލް ސަރވިސްގެ މެދުވެރިކޮށް ދައުލަތުން ފޯރުކޮށްދޭ ހިދުމަތަކާ ގުޅޭ ގޮތުން މުވައްޒަފުން ނުވަތަ އާންމު ރައްޔިތުން ހުށަހަޅާ ހިޔާލު ބަލައިގަނެ، އެ ހިޔާލުތަކާ މެދު އިދާރާތަކުން ފެންނަ ރަނގަޅު ގޮތްތަކަށް އަމަލުކުރަންވާނެއެވެ. 

(ށ) އެ އިދާރާއެއްގެ ހިދުމަތަކާ ގުޅޭ ށަކުވާއެއް ނުވަތަ ހިޔާލެއް ނުވަތަ ހިދުމަތުގެ ފެންވަރާ ގުޅޭ ގޮތުން ހިދުމަތް ހޯދި ފަރާތަކުން ދެކޭ ގޮތަކާ ގުޅޭ ގޮތުން އެއްވެސް ފަރާތަކުން ހިޔާލެއް ފާޅުކޮށްފިނަމަ، އެފަދަ ހިދުމަތެއް ފޯރުކޮށްދެވޭނެ ރަނގަޅު ގޮތަކީ ކޮބައިކަން އެ އިދާރާއަކުން ބަލައި ފިޔަވަޅު އަޅަންވާނެއެވެ.

(ނ) އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން ހިޔާލު ހުށަހަޅާނެ ފަސޭހަ ގޮތްތައް އިދާރާތަކުން އިންތިޒާމުކޮށް ހަމަޖައްސަންވާނެއެވެ. 


303 ވަނަ މާއްދާ - ށަކުވާ ހުށަހަޅާނެ ގޮތް 

(ހ) ސިވިލް ސަރވިސްގެ މުވައްޒަފުން ސިވިލް ސަރވިސްގެ ކަންކަމާ ގުޅޭ ގޮތުން ށަކުވާ ހުށަހަޅަން އެދެވިގެންވާ ގޮތަކީ، އެ މުވައްޒަފެއްގެ ސީ.އެސް ވިއުގަ ޕޯޓަލްއިންނެވެ. 

(ށ) ސިވިލް ސަރވިސްގައި ނުހިމެނޭ ފަރާތްތަކަށްވެސް ސީ.އެސް ވިއުގަ ޕޯޓަލް މެދުވެރިކޮށް ށަކުވާ ހުށަހެޅުމުގެ ފުރުސަތު ފަހިވެފައިވާތީ، އެ ޕޯޓަލް މެދުވެރިކޮށް ށަކުވާ ހުށަހެޅިދާނެއެވެ. 

(ނ) ނުވަތަ ތިރިގައި މިވާ ގޮތުގެ މަތީ ންވެސް ށަކުވާ ހުށަހެޅިދާނެއެވެ.

  1. ސިވިލް ސަރވިސްއަށް ށަކުވާ ހުށަހަޅާ ފޯމުން. ށަކުވާ ހުށަހަޅާ ފޯމު، މި ގަވާއިދުގެ ޖަދުވަލު 29 ގައި އެވަނީއެވެ. 
  2. ސިވިލް ސަރވިސް ކޮމިށަނުގެ ވެބްސައިޓް ( csc.gov.my) ގައިވާ ށަކުވާ ހުށަހަޅާ އޮންލައިން ފޯމުން.
  3. ސިވިލް ސަރވިސްއަށް ށަކުވާ ހުށަހަޅާ ފޯމުން ނުވަތަ އީމެއިލް މެދުވެރިކޮށް، ނުވަތަ ސިޓީން.

(ރ) ސީ.އެސް ވިއުގަ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ށަކުވާތަކުގެ ތެރެއިން، އެ ށަކުވާ ރައްދުވާ އިދާރާއަށް ށަކުވާ ހުށަހަޅާ ފަރާތް އެނގެން ބޭނުން ނުވާނަމަ، ސީ.އެސް ވިއުގައިން ނުވަތަ ސިވިލް ސަރވިސް ކޮމިށަނުގެ ވެބްސައިޓުން ނަމަ އެ އޮޕްށަން ނަގަންވާނެއެވެ. އަދި ލިޔުމުން ހުށަހަޅާ ފަރާތްތައް ލިޔުމުގައި އެކަން ބަޔާންކުރަންވާނެއެވެ.


304 ވަނަ މާއްދާ - ށަކުވާ ހުށަހަޅާއިރު ހުށަހަޅަންޖެހޭ މައުލޫމާތު 

(ހ) ށަކުވާއެއް ހުށަހަޅާއިރު، ށަކުވާ ހުށަހަޅާ ފަރާތުން އެނގިހުރި މިންވަރަކުން ތިރީގައި މިވާ މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. މުވައްޒަފަކާ ގުޅޭ ގޮތުން ހުށަހަޅާ ށަކުވާއެއް ނަމަ، އެ މުވައްޒަފުގެ ނަމާއި، މަގާމާއި، ވަޒީފާއަދާކުރާ އިދާރާގެ ނަން.
  2. އިދާރާއަކާ ގުޅޭ ށަކުވާއެއް ނަމަ، އެ އިދާރާގެ ނަން.
  3. މުވައްޒަފު، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި ގަވާއިދާއި ނުވަތަ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވިކަމަށް ދެކޭ ސަބަބު، ނުވަތަ އިދާރާގެ ހިދުމަތްތަކާ ގުޅޭ ގޮތުން ނަމަ، ހިދުމަތް ދިނުމުގައި މުވައްޒަފު އަމަލުކުރި ގޮތް.
  4. ށަކުވާއާ ގުޅުންހުރި ހެކިތައް ނުވަތަ ހެކިންގެ މައުލޫމާތު.
  5. ދެވެން އޮތްނަމަ، ށަކުވާ ހުށަހެޅި ފަރާތާ ގުޅޭނެ ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެސް

(ށ) އެެކަށީގެންވާ ވަރަށް މައުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ މައްސަލަތައް، މައުލޫމާތު ފުރިހަމަކުރުމަށްފަހު، ރަސްމީ މަސައްކަތު 7 (ހަތެއް) ދުވަހުގެ ތެރޭގައި މައުލޫމާތު އިސްލާހުކޮށްފައި އަލުން ހުށަހެޅުމަށް އެ ފަރާތަކަށް އެންގިދާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ މައުލޫމާތުތައް ފުރިހަމަކޮށް ހުށަހަޅައިފައި ނުވާނަމަ، އެފަދަ ށަކުވާތައް ބަލައިނުގަތުމުގެ އިހްތިޔާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.


305 ވަނަ މާއްދާ - އިދާރާތަކުން ށަކުވާތައް ބަލައިގަތުމާއި ދަފުތަރުކުރުން 

(ހ) ސީ.އެސް ވިއުގަ ޕޯޓަލްއާއި ސިވިލް ސަރވިސް ކޮމިށަނުގެ ވެބްސައިޓް މެދުވެރިކޮށް ހުށަހަޅާ ށަކުވާތައް ހުންނާނީ ދަފުތަރު ކުރެވިފައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތް ނޫން ގޮތަކަށް ހުށަހަޅާ ށަކުވާތައް، އިދާރާތަކުންނާއި ސިވިލް ސަރވިސް ކޮމިށަނުން ސީ.އެސް ވިއުގައަށް އެ މައުލޫމާތު އަޅަންވާނެއެވެ.


306 ވަނަ މާއްދާ - ށަކުވާ ހުށަހަޅާ ފަރާތަށް ޖަވާބު ދިނުން 

(ހ) މި ގަވާއިދާ އެއްގޮތަށް ހުށަހެޅޭ ށަކުވާތަކުގެ ތެރެއިން، މި ގަވާއިދުގައި ނުބެލޭނެ ށަކުވާއެއް ކަމުގައި ކަނޑައަޅައި ފައިވާ ށަކުވާއެއް ނުވަތަ މުއްދަތު ހަމަވުމުގެ ފަހުން ހުށަހަޅައިފައިވާ ށަކުވާއެއް، އެކަން ބަޔާންކޮށް ނުބެލޭނެ ށަކުވާއެއްކަމުގައި ކަނޑައަޅައި މައްސަލަ ހުށަހެޅި ފަރާތަށް ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ޖަވާބު ދޭންވާނެއެވެ. 

(ށ) މިި ގަވާއިދާ އެއްގޮތަށް ހުށަހެޅޭ ށަކުވާތަކުގެ ތެރެއިން، ސިވިލް ސަރވިސްގެ މުވައްޒަފަކާ ނުވަތަ ސިވިލް ސަރވިސްގެ އިދާރާއަކާ ގުޅޭ ށަކުވާއެއްނަމަ، ށަކުވާ ހުށަހެޅި ފަރާތަށް ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި، ށަކުވާ ހުށަހެޅީތީ ށުކުރުގެ ޖަވާބެއް ފޮނުވަންވާނެއެވެ.

(ނ) ށަކުވާ ހުށަހެޅީ ސިވިލް ސަރވިސްގެ މުވައްޒަފަކު، އެ މުވައްޒަފުގެ ވަޒީފާއާ ގުޅުންހުރި ށަކުވާއެއް ކަމުގައި ވާނަމަ، އެ ށަކުވާ ބަލައިގަނެ، ށަކުވާ ބެލުމަށްފަހު ނިންމި ގޮތް އަންގާނެކަން ބަޔާންކޮށް، ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި މުވައްޒަފަށް ޖަވާބު ފޮނުވަންވާނެއެވެ. 

(ރ) ށަކުވާ ހުށަހަޅާ ފަރާތަކާ ގުޅޭ ގޮތުން، ނުވަތަ އޭނާގެ ހައްގަކަށް އުނިކަން ލިބިފައިވާކަމަށް ބުނެ ހުށަހެޅޭ ށަކުވާއެއްގައި، އެފަދަ ހައްގެއް އުނިވެފައިވާކަމާއި އަދި ހައްގު ލިބިދޭންޖެހޭކަމަށް ށަކުވާ ބެލުމުން ސާބިތުވާނަމަ، އެ ށަކުވާއެއް ބަލައި ނިމުމުން އެފަރާތަށް ނިންމި ގޮތުގެ ޖަވާބު ދޭންވާނެއެވެ.  

(ބ) މި ގަވާއިދާ އެއްގޮތަށް ހުށަހަޅާ ށަކުވާތައް ބެލުމަށްފަހު، މުވައްޒަފުގެ އީމެއިލް އެޑްރެހަށް، ނުވަތަ ސީ.އެސް ވިއުގަ އޮންލައިން ޕޯޓަލުން މުވައްޒަފުގެ އެކައުންޓަށް ފޮނުވުމަކީ އެ މުވައްޒަފަށް އެ ލިޔުން ހަވާލުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

(ޅ) މަތީގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސަޕޯޓް ސަރވިސްގެ ރޭންކުގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހަވާލުކުރަންޖެހޭ ލިޔުންތައް، އެ މުވައްޒަފުގެ އަތަށް ނުވަތަ އެޑްރެހަށް ހަވާލުކުރަންވާނެއެވެ.

(ކ) ސިވިލް ސަރވިސްގައި ނުހިމެނޭ ފަރާތްތަކަށް ޖަވާބު ދިނުމުގައި އެ ފަރާތަކުން ދީފައިވާ އީމެއިލް އެޑްރެހަށް، ނުވަތަ ސީ.އެސް ވިއުގަ އޮންލައިން ޕޯޓަލުން އެ ފަރާތެއްގެއެކައުންޓަށް ފޮނުވުމަކީ އެ މުވައްޒަފަށް އެ ލިޔުން ހަވާލުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

 

307 ވަނަ މާއްދާ - ށަކުވާގެ ތެރެއިން މައްސަލަބެލުން

މިި ގަވާއިދާ އެއްގޮތަށް ހުށަހެޅޭ ށަކުވާތަކުގެ ތެރެއިން، ސިވިލް ސަރވިސްގެ މުވައްޒަފަކާ ގުޅޭ މައްސަލައެއް ނުވަތަ އިދާރާއަކާ ގުޅޭ މައްސަލައެއް ބަލަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ށަކުވާއެއްގެ ތެރެއިން އެފަދަ މައްސަލައެއް ބަލަންޖެހޭނަމަ، އެފަދަ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭނީ، މި ގަވާއިދުގެ ޗެޕްޓަރު 28 ގައިވާ ގޮތުގެ މަތީންނެވެ. 

 

308 ވަނަ މާއްދާ - ކޮމިށަނުގެ ނިންމުމާމެދު މުވައްޒަފު ހިތްހަމަނުޖެހުން

ށަކުވާއެއް ނުވަތަ މައްސަލައެއް ބެލުމަށްފަހު، ކޮމިށަނުން ނިންމާ ނިންމުންތަކާއި އަންގާ އެންގުންތަކާމެދު ނުވަތަ މުވައްޒަފެއްގެ މައްޗަށް އަޅަން ނިންމި އިސްލާހީ ފިޔަވަޅަކާ މެދު އެ މުވައްޒަފެއް ހިތްހަމަނުޖެހޭނަމަ، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގެ 32 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުވަތަ ކަމާބެހޭ ކޯޓަށް ހުށައެޅުމުގެ ހައްގު އެ މުވައްޒަފަކަށް ލިބިގެންވެއެވެ.

 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މައި ގަވާއިދު

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 2014-311)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-311)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު