ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 2014-311) އަށް 13 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-91)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 14 ސެޕްޓެމްބަރު 2025 ގައި)
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 145 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
އާންމު އުސޫލުތައް 14.
(ހ) ސިވިލް ސަރވިސްގެ މުވައްޒަފުން ހިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައެވެ. އަދި އެ ހިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ހިދުމަތެއް ދޭ މުވައްޒަފުން، އެ މުވައްޒަފުގެ ނަމާއި، މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުންކުރަންވާނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1-188 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތައް އިތުރުކުރުން.
ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ 1-188.
(ޅ) މި ގަވާއިދުގެ 1-188 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުން ކުރެ ހާލަތެއް މުވައްޒަފެއްގެ މަންމައަށް ނުވަތަ ބައްޕަޔަށް ނުވަތަ އަނބި މީހާއަށް ނުވަތަ ފިރިމީހާއަށް ނުވަތަ ދަރިޔަކަށް ނުވަތަ އެއްބަނޑުއެއްބަފާ މީހަކަށް ނުވަތަ އެއްބަފާ މީހަކަށް ނުވަތަ އެއްބަނޑު މީހަކަށް ނުވަތަ ށަރުއީގޮތުން ބަލަންޖެހިފައިވާ މީހަކަށް ދިމާވެއްޖެ ނަމަ، އަސާސީ މުސާރަ (މަގާމުގެ މުސާރަ) ލިބޭގޮތަށް، އަހަރަކު 30 (ތިރީސް) ދުވަސް "ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ" ގެ ގޮތުގައި ދެވިދާނެއެވެ.
(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޗުއްޓީ ދިނުމުގައި، އެ މުވައްޒަފެއްގެ މަންމަޔަކީ ނުވަތަ ބައްޕަޔަކީ ނުވަތަ އަނބިމީހާއަކީ ނުވަތަ ދަރިފުޅަކީ ނުވަތަ އެއްބަނޑުއެއްބަފާ މީހަކީ ނުވަތަ އެއްބަފާ މީހަކީ ނުވަތަ އެއްބަނޑު މީހަކީ ނުވަތަ ށަރުއީގޮތުން ބަލަންޖެހިފައިވާ މީހަކީ ޓަރމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް ކޮންޑިށަނެއް ތަހައްމަލުކުރަމުންދާ ފަރާތެއްކަމަށާއި، ބަލީގެ ބާވަތާއި ބަލީގެ ސަބަބުން ފަރުވާއަށް ހޭދަވާނެ މުއްދަތު ބަޔާންކޮށް، ސިއްހީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓުފިކެޓެއް ނުވަތަ ސެޓުފިކެޓު ދޫކުރި ގައުމެއްގެ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަންޖެހޭނެއެވެ.
(އ) މި މާއްދާގައި ބަޔާންކޮށްފައިވާ ޗުއްޓީ އެއްވެސް މުވައްޒަފަކަށް ދޭންވާނީ، ސިވިލް ސަރވިސް ކޮމިށަނަށް ހުށަހަޅައި، ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 223 ވަނަ މާއްދާގެ (މ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
(ފ) މުވައްޒަފަށް ދިމާވާ ސިއްހީ ހާލަތަކާ ގުޅިގެން އެ މުވައްޒަފަށް ދާއިމީގޮތެއްގައި ނުވަތަ ދިގު މުއްދަތަކަށް ވަޒީފާ އަދާކުރުމަށް ނުކުޅެދުން. މި ހާލަތުގައި މުވައްޒަފަށް ވަޒީފާ އަދާކުރުމަށް ނުކުޅެދޭކަމުގައި ބަލާނީ، އެކަން ބަޔާންކޮށް، ސިއްހީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ސޮއިކޮށް، ލިޔުން ދޫކުރާ ތަނުގެ ތައްގަނޑު ޖަހައިފައިވާ ލިޔުމެއް ހުށަހެޅުމުންނެވެ. އަދި ރާއްޖެއިން ބޭރުގެ ސިއްހީ މަސައްކަތްތެރިއެއްގެ ލިޔުމެއް ކަމުގައި ވާ ނަމަ، އެ ފަރާތަކީ އެ ގައުމެއްގެ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒެއްގެ ސިއްހީ މަސައްކަތެރިއެއްކަމުގައި ވާންވާނެއެވެ.
4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 2014-311)
ކޮންސޮލިޑޭޓެޑް ގަވާއިދު
ސިވިލް ސަރވިސްގެ ގަވާއިދު 2014 (ކޮންސޮލިޑޭޓެޑް ނަންބަރު 2014-311)
ކިޔުންތެރިންގެ ހިޔާލު