ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 2014-311) އަށް 15 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-131)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 30 ޑިސެމްބަރު 2025 ގައި)
ގަވާއިދު ނަންބަރު 2014-311 (ދިވެހި ސިވިލް ސަރވިސް ސަރވިސްގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 145 ވަނަ މާއްދާގެ ފަހަތަށް 1-145 ނަންބަރު މާއްދާއާއި 2-145 ނަންބަރު މާއްދާ އަންނަނިވި ފަދައިން އިތުރުކުރުން.
ފިރިހެން މުވައްޒަފުންގެ ހެދުން 1-145.
(ހ) ފިރިހެން މުވައްޒަފުންނަށް ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީސް ނުވަތަ ބުސް ގަމީސް ބޭނުންކުރެވިދާނެއެވެ.
(ށ) ގަމީހުގެ އަތް ހުންނަންވާނީ އަތް ދިގު ގަމީހެއް ނަމަ އަތުގެ ކުޑަހުޅާ ހަމައަށެވެ. އަދި އަތްކުރު ގަމީހެއް ނަމަ، އަތް ހުންނަން ވާނީ އަތުގެ އުޅަނބޮށްޓަށް ވުރެ 2 (ދޭއް) އިންޗި ކުރުނުވާ ވަރަށެވެ.
(ނ) ފިރިހެން މުވައްޒަފުންގެ ހެދުމުގައި ފަޓުލޫނުގެ ގޮތުގައި ބޭނުންކުރަންވާނީ ދިގު ފަޓުލޫނެވެ. ފަޓުލޫނަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ ފަޓުލޫނެއްކަމުގައި ވާންވާނެއެވެ.
(ރ) ބޭރަށް ބަހައްޓާ ގޮތަށް، އޮފީސް ގަމީހުގެ ގޮތުގައި ފަހައިފައި ހުންނަ އަތްދިގު ބުސް ގަމީސް ފިޔަވައި، އެހެން ގަމީސްތައް ދަށަށް ޖަހަންވާނެއެވެ. ދަށަށް ޖަހައިފައި ހުންނައިރު ހުންނަންވާނީ ގަމީސް ދަށަށް ޖަހައި ބެގީކުރުމުން، އަޅައިފައި ހުންނަ ކަމަރު އެއްކޮށް ނުފޮރުވޭ ވަރަށެވެ. އަދި އަޅައިފައި ހުންނަ ކަމަރަކީ ރަސްމީ ހެދުންތަކާއެކ،ު ބޭނުންކުރަން އެކަށީގެންވާ ކަމަރަކަށް ވާންވާނެއެވެ.
(ބ) ރަސްމީ ގަޑީގައްޔާއި ރަސްމީ މަސައްކަތުގައި، އަތްދިގު ގަމީހާއި އަތްކުރު ގަމީހާއެކު ދަށަށް ޖަހައި، ޓައީ ބޭނުންކުރަންވާނެއެވެ. ޓައީގައި، އަހުލާގީގޮތުން އެކަށީގެންނުވާ ފަދަ ބަސް، މަންޒަރު، ކުރެހުން، ކާޓޫނު ނުވަތަ ފޮޓޯ ނުވަތަ އެފަދަ އެހެން އެއްޗެއް ހުރެގެން ނުވާނެއެވެ.
(ޅ) ފިރިހެން މުވައްޒަފުން އޮފީހާއި ރަސްމީ މަސައްކަތުގައި ތިބެންވާނީ އޮފީސް ބޫޓަށް އަރައިފައެވެ.
(ކ) ސަޕޯޓް ސަރވިސް ގިންތީގައި ހިމެނޭ، ވަކި ޔުނިފޯމެއް ނުވަތަ ހެދުމެއް ކަނޑައެޅިފައި ނުވާ މަގާމުތަކުގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންގެ ހެދުމަކީ، ފަޓުލޫނާއި ގަމީހާއި ބޫޓެވެ. ބުސް ނޫން ގަމީސް ހުންނަން ވާނީ ދަށަށް ޖަހައިފައެވެ. އަދި ދަށަށް ޖަހައިފައި ހުންނައިރު ހުންނަންވާނީ ބެގީބައިން ކަމަރު އެއްކޮށް ނުފޮރުވޭވަރަށެވެ. ކަމަރަކީ ރަސްމީ ހެދުންތަކާއެކު ބޭނުން ކުރުމަށް އެކަށީގެންވާ ކަމަރަކަށް ވާންވާނެއެވެ.
(އ) ފިރިހެން މުވައްޒަފުން އޮފީހަށް ހާޒިރުވާންވާނީ ސާފުތާހިރުކަންމަތީ މުޖުތަމައުގެ އާންމު އަހުލާގީ މިންގަނޑުތަކާ އެއްގޮތަށެވެ. ނަމަވެސް ފާޅުކަންބޮޑު މޭކަޕެއް، ގަހަނާއެއް (އަނގޮޓި ފިޔަވައި) ބޭނުން ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އަދި އެއްވެސް ގުނަވަނެއްގައި ގަހަނާއަށްވާ އެއްޗެހި ލައިފައި ހުރުމަކީ ހުއްދަ ކަމެއް ނޫނެވެ.
އަންހެން މުވައްޒަފުންގެ ހެދުން 2-145.
(ހ) އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން ނުވަތަ ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ބޭނުންކުރެވިދާނެއެވެ. މި ހެދުން ހުންނަންވާނީ، ފައިގެ ތަނބިކަށްޓަށް ވުރެ ކުރުނުވާ ގޮތަށެވެ. އަދި މި ހެދުމަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކުރެވިފައިވާ ހެދުމެއްކަމުގައި ވާންވާނެއެވެ.
(ށ) ފަޓުލޫނު އަދި ހަރުވާޅު ނުވަތަ ޖެކެޓާއެކު ލާ ފަޓުލޫނު ނުވަތަ ހަރުވާޅަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ އެއްޗެހިކަމުގައި ވާންވާނެއެވެ.
(ނ) ކޮންމެ ބާވަތެއްގެ ހެދުމެއްގެ ވެސް ކަރު ހުންނަންވާނީ، މުޖުތަމައުގެ އަދަބާ ހިލާފުނުވާގޮތަށް ކަރުވަޅު ނިވައިވާ ގޮތަށެވެ. އަދި އަތްކުރު ހެދުމެއް ނަމަ އަތް ހުންނަންވާނީ، އެ މީހެއްގެ ކޮނޑުހުޅާއި އުޅަބޮށްޓާ ދެމެދަށް ވުރެ ކުރުނުވާ ވަރަށެވެ. އަތްދިގު ހެދުމެއް ނަމަ، ހެދުމުގެ އަތް ހުންނަންވާނީ އަތުގެ ކުޑަހުޅަށް ވުރެ ދިގުނުވާ ވަރަށެވެ.
(ރ) ހެދުމުގެ މަތީބައި، ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން، ކުރިމަތިން، ފުރަގަހުން އަދި ތިރިން ފަޅައިފައި ހުންނަ ނަމަ، ފަޅައިފައި ހުންނަބައި ހުންނަންވާނީ، މައްޗަށް އަތް ދަމާލީމާ އުނަގަނޑުން ތިރީބަޔާއި އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށެވެ. މިފަދަ ހެދުމުގެ ދިގުމިން ހުންނަންވާނީ، ބުޑުގެތިރީ ކައިރިން ފެށިގެން މައްޗަށް 2 (ދޭއް) އިންޗިއަށް ވުރެ ހެދުން ކުރުނުވާ ވަރަށެވެ. އަދި ފޮތި ވާންވާނީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކަށެވެ.
(ބ) އޮފީހުގައި އުޅޭއިރު ނުވަތަ ރަސްމީ މަސައްކަތުގައި އުޅޭއިރު ތިބެންވާނީ، އޮފީސް ބޫޓުގައި ނުވަތަ އޮފީހާ އެކަށީގެންވާ ފައިވާނުގައެވެ.
(ޅ) ސަޕޯޓް ސަރވިސް ގިންތީގައި ހިމެނޭ، ވަކި ޔުނިފޯމެއް ނުވަތަ ހެދުމެއް ކަނޑައެޅިފައި ނުވާ މަގާމުތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ހެދުމަކީ، މިބައިގައި ބަޔާންކުރެވިފައިވާ ޒާތުގެ ހެދުމާއި އެކަށީގެންވާ ބޫޓު ނުވަތަ އެކަށީގެންވާ ފައިވާނެވެ.
(ކ) ގަހަނާ އެޅުމުގައި ނުވަތަ މޭކަޕްކުރުމުގައި ނުވަތަ ބޮލުގައި ކުލަޖެއްސުމުގައި އަމަލުކުރާނީ ތިރީގައިމިވާ ގޮތުގެ މަތީންނެވެ.
- އޮފީހަށް ހާޒިރުވާންވާނީ ސާފުތާހިރުކަންމަތީ މުޖުތަމައުގެ އާންމު އަހުލާގީ މިންގަނޑުތަކާ އެއްގޮތަށެވެ. ޒީނަތްތެރިވުމުގެ ގޮތުން ގަހަނާ އެޅުމާއި މޭކަޕްކުރުމަކީ ހުއްދަކަމެކެވެ.
- އޮފީހުގެ މާހައުލާ ގުޅޭގޮތަށް، އިސްތަށިގަނޑު ރީތިކޮށް ބަހައްޓަންވާނެއެވެ. ނަމަވެސް، އިސްތަށިގަނޑު ކަޅުކުރުން ފިޔަވައި، ފާޅުކަން ބޮޑު ކުލައެއްޖެއްސުމަކީ ނުވަތަ ކުލައިން ށޭޑްކޮށް ހައިލައިޓްކުރުމަކީ ހުއްދަކަމެއް ނޫނެވެ.
2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 2014-311)
ކޮންސޮލިޑޭޓެޑް ގަވާއިދު
ސިވިލް ސަރވިސްގެ ގަވާއިދު 2014 (ކޮންސޮލިޑޭޓެޑް ނަންބަރު 2014-311)
ކިޔުންތެރިންގެ ހިޔާލު