ދިވެހި ސިވިލް ސަރވިސް ސަރވިސްގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-311) އަށް 16 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-07)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 މާރިޗު 2026 ގައި)
ގަވާއިދު ނަންބަރު 2014-311 (ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014) އަންނަނިވި ގޮތަށް އިސްލާހުކުރުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 174 ވަނަ މާއްދާގެ ފަހަތަށް 1-174 ވަނަ މާއްދާއާއި، 2-174 ވަނަ މާއްދާއާއި، 3-174 ވަނަ މާއްދާއާއި، 4-174 ވަނަ މާއްދާއާއި، 5-174 ވަނަ މާއްދާ އަންނަނިވި ފަދައިން އިތުރުކުރުން.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުން 1-174.
(ހ) ސިވިލް ސަރވިސްގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފަރާތްތަކުގެ ބެލެނިވެރިން، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އޮފީހަށް ހާޒިރުނުވެ، އޮފީހުގެ ރަސްމީ މަސައްކަތްތައް ކުރުމަށް އެދޭ ހާލަތުގައި، އެ ގޮތަށް މަސައްކަތްކުރުމުގެ ހުއްދަ އެ އިދާރާއަކުން ދޭންވާނެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް މި މާއްދާގެ ދަށުން އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ އާންމު ދިރިއުޅުމުގައި، ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންވާނެ މިންވަރު ބަޔާންކޮށް ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ ލިޔުމަށް ރިއާޔަތްކޮށެވެ. އެ ގޮތުން މި މާއްދާގެ ބޭނުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން ދަރަޖަކުރެވޭނީ ތިރީގައިމިވާ ގޮތުގެ މަތީންނެވެ.
(1) ދަރަޖަ 1:
އާންމު ދިރިއުޅުމުގައި، ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ކޮންމެހެން ވެސް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބެލެނިވެރިން؛
(2) ދަރަޖަ 2:
އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން މެދުމިންވަރަކަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން.
(3) ދަރަޖަ 3:
އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންނުވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން.
(ށ) މި މާއްދާގެ ދަރަޖަ 1 ގައިވާ ބެލެނިވެރިންނަށް، މުޅި ދުވަހު އެއްކޮށް އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނެއެވެ.
(ނ) މި މާއްދާގެ ދަރަޖަ 2 އާއި ދަރަޖަ 3 ގައިވާ ބެލެނިވެރިން އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ގާތުގައި ކޮންމެހެންވެސް ހުންނަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމައެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ރަސްމީ މަސައްކަތުގެ ވަގުތުގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ ވަގުތު ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ގާތުގައި ހުންނަންޖެހޭ ހާލަތުގައި މުޅި ދުވަހު އެއްކޮށް އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނެއެވެ. އަދި ރަސްމީ މަސައްކަތުގެ ވަގުތުގެ ތެރެއިން މަސައްކަތު ވަގުތުގެ ދެބައިކުޅައެއްބަޔަށް ވުރެ އިތުރުނުވާގޮތަށް ހުންނަންޖެހޭ ހާލަތުގައި އޮފީހަށް ނުކުމެ ދުވާލަށް ކަނޑައަޅައިފައިވާ މަސައްކަތު ވަގުތުގެ ބޮޑުބައެއްގައި މަސައްކަތްކުރުމަށްފަހު ބާކީ ވަގުތަށް އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނެއެވެ.
(ބ) ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ ލިޔުންކަމުގައި މި މާއްދާގައި ބަޔާންކޮށްފައި ވަނީ، ސިއްހީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ ލިޔުމެއް، ނުވަތަ އެފަދަ ލިޔުމެއް ދޫކުރި ގައުމެއްގެ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ ލިޔުމަށެވެ.
174-2. ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަމުގައި ބެލުމާއި އެފަދަ ފަރާތެއްގެ ބެލެނިވެރިން
(ހ) ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަމުގައި ބަލާނީ، ގާނޫނު ނަންބަރ 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު)، އާއި އެ ގާނޫނުން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދުތަކުގައިވާ ގޮތުގެ މަތީން ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ކަމުގައި ކަނޑައަޅައި، ކަމާ ގުޅޭ އިދާރާގެ ދަފުތަރުގައި، ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކެވެ.
(ށ) ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ބެލެނިވެރިންކަމުގައި ބަލާނީ، އެ ފަރާތެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ޝަރުއީ ބަލަދުވެރިޔާއެވެ.
174-3. އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގައި، އަންނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
(ހ) އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނީ، މުވައްޒަފާ ހަވާލުކުރެވިފައިވާ މަސައްކަތްތަކަކީ އޮފީހަށް ހާޒިރުނުވެ، އެކަށީގެންވާ ގޮތެއްގައި ކުރެވޭ މަސައްކަތްތަކެއް ކަމުގައި ވާ ނަމައެވެ.
(ށ) އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގައި، މުވައްޒަފާ ހަވާލުކުރެވޭ މަސައްކަތްތައް ނުވަތަ ޓާސްކުތައް އަދާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މަސައްކަތްކުރުމަށް އެކަށޭނަ މާހައުލެއް އޮތްކަން ކަށަވަރުކުރަންވާނެއެވެ.
(ނ) އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގައި، އިދާރާއިން ދޭ އެއްވެސް ހިދުމަތަކަށް ހުރަސްނޭޅޭނެކަން ކަށަވަރުކުރުމާއެކު، މުވައްޒަފު އޮފީހަށް ހާޒިރުނުވެ ކުރާ މަސައްކަތްތައް ނުވަތަ ޓާސްކުތައް މުވައްޒަފަށް ހަވާލުކުރެވި، އެ މަސައްކަތްތައް ނިންމާ މިންވަރު ސުޕަވައިޒްކޮށް، މޮނިޓަރކޮށް ބަލަހައްޓަންވާނެއެވެ.
(ރ) އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަދެވޭ މުވައްޒަފަކު އޮފީހަށް ހާޒިރުވާންޖެހޭ ފަދަ ހާލަތެއް މެދުވެރިވެގެން މުވައްޒަފު މަސައްކަތްކުރާ އިދާރާއިން އަންގައިފި ނަމަ، އޮފީހަށް ހާޒިރުވާންވާނެއެވެ.
(ބ) އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމަށް ހުއްދަ ދެވޭ މުވައްޒަފުންގެ މަސައްކަތް ބަލައި، މުވައްޒަފަށް އެދެވޭވަރަށް މަސައްކަތް ނުކުރެވޭކަމަށް އިދާރާއަށް ފާހަގަކުރެވިއްޖެ ނަމަ، އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމަށް ދީފައިވާ ހުއްދަ ނިމުމަކަށް ގެނެވިދާނެއެވެ.
(ޅ) އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމަށް އެދެވޭނީ، އެކަމަށް ޓަކައި އިދާރާއިން ކަނޑައަޅާ އެއްބަސްވުމުގައި، ސޮއިކުރުމަށްފަހުގައެވެ. މި އެއްބަސްވުމުގައި މަސައްކަތުގެ މައުލޫމާތާއި ސިއްރު ހިފެހެއްޓުމަށް ވެސް، އިގުރާރުވާންވާނެއެވެ.
(ކ) ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބެލެނިވެރިންގެ ތެރެއިން ދެ ފަރާތަކީ ވެސް ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ވާ ނަމަ، އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމަށް ހުއްދަ ދޭންވާނީ އެ ދެ ފަރާތަށް ވަކިވަކިން ބަހައިލައިގެންނެވެ. ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން، ދެ ފަރާތަށް އެއްފަހަރާ އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމަށް ހުއްދަ ދިނުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(އ) މަސައްކަތުގެ ބާވަތުން އޮފީހަށް ނުވަތަ އެ މަސައްކަތެއް ހުންނަ ތަނަކަށް ކޮންމެހެން ހާޒިރުވާންޖެހޭ މުވައްޒަފުން (މިސާލު ޓީޗަރުން، ނަރުހުން ފަދަ ފަންނުތަކުގެ މުވައްޒަފުންނާއި ހިންގުމުގެ) އިސްފަންތީގެ (މުވައްޒަފުން، އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމަށް ހުއްދަ ދިނުމުގައި، އިސްތިސްނާވާނެއެވެ. ނަމަވެސް، މި ފަރާތްތަކަށް ވެސް މި ގަވާއިދުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ލުއިދިނުމަށް ކަނޑައަޅައިފައިވާ މިންގަނޑުތަކުގެ ތެރެއިން އިދާރާގެ މަސައްކަތަށް ދަތިނުވާނޭހެން ދެވެންއޮތް މިންވަރަކަށް ލުއިތައް (މިސާލު ދަންފަޅި އުސޫލުން މަސައްކަތްކުރާ މުވައްޒަފުންގެ ދަންފަޅި ކަނޑައެޅުން، ނުވަތަ މުވައްޒަފު އިދާރާއަށް ނުކުމެ ކޮންމެހެން މަސައްކަތްކުރަންޖެހޭ ވަގުތު ދުވާލުގެ މަސައްކަތު ވަގުތުގެ ދެބައިކުޅައެއްބަޔަށް ވުރެ ކުރުނުވާގޮތަށް ހަމަޖެއްސުމާއެކު، ބާކީ ވަގުތު އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރާގޮތަށް ކަނޑައެޅުން) ފަދަ ލުއިތައް ހަމަޖައްސައިދެވިދާނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ބަފަރ ޓައިމް ކަނޑައެޅުން 4-174.
(ހ) ސިވިލް ސަރވިސްގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް، އޭނާ ބަލަހައްޓާ ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް ދިމާވާ ހާލަތަކާ ގުޅިގެން ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ދުވަސްތަކަށް، މަސައްކަތަށް ހާޒިރުވާން ކަނޑައަޅައިފައިވާ ގަޑިން ފެށިގެން 1 (އެކެއް) ގަޑިއިރުގެ ވަގުތެއް ބަފަރ ޓައިމްގެ ގޮތުގައި ދެވޭނެއެވެ.
(ށ) ބަފަރ ޓައިމްގެ ތެރޭގައި، މުގުތަކީ 6 (ހައެއް) ގަޑިއިރު ކަމަށް ވެފައި، ރަސްމީ މަސައްކަތު ވަގުތު ފެށޭ ގަޑިއަކީ 8:00 ކަމުގައި ވާ ނަމަ، މުވައްޒަފު 8:45 ގައި އޮފީހަށް ހާޒިރުވެއްޖެ ހިނދު، އެ ދުވަހެއްގައި، މުވައްޒަފުގެ ރަސްމީ މަސައްކަތު ގަޑި ނިމޭ ގަޑިއަކަށް ވާނީ 14:45 އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ހުސްވަގުތުކޮޅާ ގުޅުވައިގެން، އިތުރު ވަގުތު ދިނުން 5-174.
(ހ) މި ގަވާއިދުގެ ދަށުން، މުވައްޒަފަށް ދެވޭ ހުސްވަގުތުކޮޅުގެ 30 (ތިރީސް) މިނިޓުގެ އިތުރަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭ ޒިންމާތަކުގެ ތެރެއިން، އާދަވެގެން ކޮންމެ ދުވަހަކު އަދާކުރަންޖެހޭ ޒިންމާއަކާ ގުޅިގެން، އިތުރަށް ވަގުތު ބޭނުންވާ ހާލަތުގައި، ހުސްވަގުތުކޮޅާއެކު، އިތުރު ވަގުތު، އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖައްސައިދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިތުރު ވަގުތު ހަމަޖެއްސުމަށް ބޭނުންވާ މުވައްޒަފުން، އެކަމަށް އެދި، އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން، އިތުރު ވަގުތުގެ ގޮތުގައި ދެވޭ ވަގުތު، ކޮންމެ ހަފުތާއެއްގެ ރަސްމީ މަސައްކަތު ފަހު ދުވަހުގެ ނިޔަލަށް، ހިދުމަތްކޮށް ހަމަކުރަންވާނެއެވެ. އަދި މިވަގުތު ހަމަކުރުމަށް، އޮފީހަށް ހާޒިރުވެ މަސައްކަތްކުރުން ކޮންމެހެން ލާޒިމެއް ނޫނެވެ.
2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 2026 މާރިޗު 1 ވަނަ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 2014-311)
ކޮންސޮލިޑޭޓެޑް ގަވާއިދު
ސިވިލް ސަރވިސްގެ ގަވާއިދު 2014 (ކޮންސޮލިޑޭޓެޑް ނަންބަރު 2014-311)
ކިޔުންތެރިންގެ ހިޔާލު