ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 311-2014) އަށް 11 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2023-150)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 22 އޯގަސްޓް 2023 ގައި)
ގަވާއިދު ނަންބަރު 311-2014 (ސިވިލް ސަރވިސްގެ ގަވާއިދު 2014) އަށް 11 ވަނަ އިސްލާހު ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ތައާރުފު 16.
(ށ) ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެކިއެކި ދާއިރާތަކުގެ މުވައްޒަފުން އަމަލުކުރުމަށް ވަކި ކޯޑް އޮފް ކޮންޑަކްޓެއް ނުވަތަ ސުލޫކީ މިންގަނޑެއް ގާނޫނެއްގެ ދަށުން ކަނޑައަޅައިފައިވާނަމަ، އެފަދަ ކޯޑް އޮފް ކޮންޑަ ކްޓަކާ ނުވަތަ ސުލޫކީ މިންގަނޑަކާ އެއްގޮތަށް އެ ދާއިރާގެ މުވައްޒަފުން އަމަލުކުރަންވާނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 76 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ވަޒީފާ ބަޔާން 76.
(ހ) ސިވިލް ސަރވިސްގެ ކޮންމެ މަގާމަކަށް ވަޒީފާ ބަޔާނެއް އޮންނަންވާނެއެވެ. އެ ވަޒީފާ ބަޔާނަކީ، އެ މަގާމެއްގެ މައިގަނޑު މަސްއޫލިއްޔަތާއި ޒިންމާތައް ބަޔާންކުރާ ބަޔާނެކެވެ. އެ ބަޔާނުގައި ބަޔާންކޮށްފައި ނެތަސ،ް އެ މީހަކު ވަޒީފާއާ ގުޅޭގޮތުން، ނުވަތަ ހާއްސަ ހާލަތެއްގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ މީހަކު ވަޒީފާ އަދާކުރާ އިދާރާއެއްގެ ނުވަތަ ހިދުމަތެއްގެ މަސައްކަތުގެ ތެރެއިން އެ މީހެއްގެ ގާބިލުކަން ތަންދޭ ކަމެއް ވަގުތީގޮތުން ކުރުމަށް، ޒިންމާދާރު އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކޮށްފިނަމަ، ވީ އެންމެ ރަނގަޅަކަށް އެ ކަމެއް ކުރުމަކީ، އަދި އެފަދަ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދިނުމަކީ އެ މުވައްޒަފަކަށް ވާޖިބު ކަމެކެވެ. މުވައްޒަފާ ވަޒީފާ ބަޔާން ހަވާލުކުރާއިރު، އެ އޮފީހުގެ ޒިންމާދާރު އިސްވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން، އެ މުވައްޒަފެއްގެ ވަޒީފާ ބަޔާން، އެ މުވައްޒަފަކަށް އޮޅުންފިލުވައިދޭންވާނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 86 ވަނަ މާއްދާގެ (ޅ) ގެ ފެށުން އަންނަނިވި ގޮތަށް އިސްލާހުކުރުން.
ވަޒީފާ ބަދަލުކުރުން 86.
(ޅ) ސިވިލް ސަރވިސްގެ ހިދުމަތް ދިނުމުގައި، ވަގުތީގޮތުން ޖެހޭ ބޭނުންތަކަށް، މަގާމުގައި އަދާކުރާ މަސްއޫލިއްޔަތު އަދާކުރުމަށް ނުވަތަ އެ އިދާރާގެ އެހެން މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް އެ އިދާރާގެ ސިވިލް ސަރވިސްގެ އިސްވެރިޔާއަށް ނުވަތަ ދާއިރާގެ އެހެން އިދާރާއެއްގައި މަސައްކަތްކުރުމަށް، ދާއިރާގެ ޒިންމާދާރު އިސްވެރިޔާއަށް ސިވިލް ސަރވިސްގެ މުވައްޒަފެއްގެ ވަޒީފާ ވަގުތީގޮތުން ބަދަލުކުރެވިދާނެއެވެ. މި މާއްދާގެ ދަށުން މުވައްޒަފެއްގެ ވަޒީފާ ވަގުތީގޮތުން ބަދަލުކުރުމަށް ކޮމިށަނަށް ހުށަހަޅާކަށެއް ނުޖެހޭނެއެވެ. މިގޮތުން ވަގުތީގޮތުން ވަޒީފާ ބަދަލުކުރާއިރު، ތިރީގައިވާ ގޮތުގެ މަތީން އިދާރާތަކުން އަމަލުކުރަން ވާނެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 91 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި އެ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އިއުލާނު ކުރުމާއި، އިއުލާނު ބާތިލުކުރުން 91.
(ހ) ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޯދުމަށް އިއުލާނު ކުރަންވާނީ، ސިވިލް ސަރވިސް ކޮމިށަނުން އާންމުކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް" މި އުސޫލުގައިވާ ގޮތުގެ މަތީންނެވެ.
(ށ) ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޯދުމަށް ކުރާ އިއުލާނެއް އެއްވެސް އިދާރާއަކަށް ބާތިލުކުރެވޭނީ، "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް" ގައިވާ ގޮތުގެ މަތީންނެވެ. ނަމަވެސް އެކަށީގެންވާ ސަބަބާއެކު އެފަދަ އިއުލާނެއް ބާތިލުކުރުމަށް އެދި އެ އިދާރާއަކުން ކޮމިށަނަށް ހުށަހަޅައިފިނަމަ، ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޯދުމަށް ކޮށްފައިވާ އިއުލާނެއް ބާތިލުކުރަން ޖެހޭކަމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެފަދަ އިއުލާނެއް ބާތިލުކުރުމުގެ އިހްތިޔާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 100 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޕްރޮބޭށަން (ވަގުތީ މުއްދަތު) 100.
(ހ) ސިވިލް ސަރވިސްގެ މުވައްޒަފުންގެ ޕްރޮބޭށަން ނުވަތަ ވަގުތީ މުއްދަތަކީ، އެ މުވައްޒަފަކު ވަޒީފާއަށް އައްޔަނުކުރި ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތެވެ.
(ށ) ޕްރޮބޭށަނުގެ މުއްދަތުގައި އެކަށީގެންވާ ސަބަބާއެކު އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް އެދި އެ އިދާރާއަކުން ކޮމިށަނަށް ހުށަހަޅައިފި ހިނދެއްގައި، ނުވަތަ ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ޕްރޮބޭށަން މުއްދަތުގައި ނޯޓިސްދިނުމަކާ ނުލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރު، ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ. އަދި އެ މުއްދަތުގައި އެ އިދާރާއަށް ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިވުމުގެ އިހްތިޔާރު މުވައްޒަފަށް ވެސް ލިބިގެންވެއެވެ.
(ނ) ސިވިލް ސަރވިސްގެ މަގާމަށް އަލަށް އައްޔަނުކުރާ މުވައްޒަފުންނާއި، އިއުލާނުކުރާ މަގާމަކަށް ކުރިމަތިލައިގެން އެ މަގާމަށް ހޮވިގެން އައްޔަނުކުރާ މުވައްޒަފުންގެ ޕްރޮބޭށަން މުއްދަތުގައި، މި މާއްދާގައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 101 ވަނަ މާއްދާ އުނިކުރުން.
7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 102 ވަނަ މާއްދާ އުނިކުރުން.
8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 115 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޗުއްޓީ 115.
(ނ) "ކޮންޓްރެކްޓް އެމްޕްލޯއިމަންޓް" އުސޫލުގެ ދަށުން ހޮވޭ މުވައްޒަފުންނަށް، ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ ގޮތުގައި، ބަންދު ދުވަސްތައް ހިމަނައިގެން 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ. ބަލިވެއިނުމާއި، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ދިނުމުގައި އަމަލުކުރަންވާނީ ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 43 ވަނަ މާއްދަގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 119 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ވަޒީފާއިން ވަކިކުރުން 119.
މި ގަވާއިދުގައި މުވައްޒަފުން ވަޒީފާއިން ވަކިވުމާއި ވަޒީފާއިން ވަކިކުރުމަށް ކަނޑައަޅައިފައިވާ އު ސޫލުތަކުގެ އިތުރުން، ސިވިލް ސަރވިސްގެ ވަގުތީ މުވައްޒަފުން ވަޒީފާއިން ވަކިވެވޭނީ އަދި ވަކިކުރެވޭނީ މި މާއްދާގައިވާ ގޮތުގެ މަތީންނެވެ.
(ހ) ސިވިލް ސަރވިސްގެ ވަގުތީ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމުގައިކަނޑައަޅައިފައިވާ މުއްދަތު ހަމަވުމުން އެ މުވައްޒަފު ވަޒީފާއިން ވަކިވީއެވެ.
(ށ) ވަކި ޕްރޮޖެކްޓަކަށް ނުވަތަ ވަކި މަސައްކަތަކަށް ހާއްސަކުރެވިގެން ނަގައިފައިވާމުވައްޒަފުން އެ ޕްރޮޖެކްޓެއް ނުވަތަ މަސައްކަތެއް ނިމުމުން ވަޒީފާއިންވަކިކުރަންވާނެއެވެ.
10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 122 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
މިސްކިތު މުވައްޒަފުންގެ މަސައްކަތު ވަގުތު 122.
(ހ) މިސްކިތު އިމާމުންނާއި މުދިމުންގެ ރަސްމީ މަސައްކަތު ވަގުތަކީ، ނަމާދުވަގުތަށް މިސްކިތް ތައްޔާރުވެފައިވޭތޯ ބެލުމާއި، ނަމާދުގެ ވަގުތުތަކަށް މިސްކިތަށް ހާޒިރުވެ ވަގުތަށް ބަންގި ގޮވުމާއި، ނަމާދުކުރުން ހިމެނޭގޮތަށް، ފަރުޒު ފަސްނަމާދުގެ ވަގުތެވެ.
- ނަމާދަކަށް ހޭދަކުރާ ވަގުތަކީ 1 (އެކެއް) ގަޑިއިރު ކަމުގައި ބެލެވޭނެއެވެ.
- މިސްކިތު އިމާމުންނާއި މުދިމުން، ކޮންމެ ނަމާދު ވަގުތެއްގެ 5 (ފަހެއް) މިނިޓުގެ ކުރިން މިސްކިތަށް ހާޒިރުވާން ވާނެއެވެ.
- މިސްކިތު އިމާމުންނާއި މުދިމުންގެ މަސައްކަތު ގަޑިކަމުގައި ބެލެވޭނީ، ދުވާލަކު 5 (ފަހެއް) ގަޑިއިރުގެ ގޮތުގައި، ހަފުތާއަކު ޖުމުލަ 35 (ތިރީސްފަހެއް) ގަޑިއިރެވެ.
11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 124 ވަނަ މާއްދާގެ (ނ) އުނިކޮށް، އަކުރު ތަރުތީބުކުރުން.
12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 125 ވަނަ މާއްދާގެ (ހ) އާއި (ރ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ނ) އުނިކޮށް، އަކުރުތައް ތަރުތީބުކުރުން.
މިސްކިތު މުވައްޒަފުންގެ ގަޑީލާރި ކެނޑުން 125.
(ހ) މިސްކިތު އިމާމުންނާއި މުދިމުން، ފަރުޒު ފަސްނަމާދުގެ ތެރެއިން ނަމާދެއްގައި ބަންގި ގޮވައި އިމާމުވެ ނަމާދު ނުކުރާނަމަ، އެ ނަމާދަކަށް ހާޒި ރުނުވާކަމުގައި ބެލެވޭނެއެވެ. އަދި އެއީ ދުވާލުގެ މަސައްކަތު 5 (ފަހެއް) ގަޑިއިރުގެ ތެރެއިން 1 (އެކެއް) ގަޑިއިރު ވަޒީފާއަށް ހާޒިރުނުވީކަމުގައި ބެލެވޭނެއެވެ.
(ރ) އިމާމުންނާއި މުދިމުން ވަޒީފާ އަދާކުރުމަށް އުޒުރުވެރިވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ކުރިޔަށްއޮތް ނަމާދުވަގުތު ޖެހުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން، އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އަންގަންވާނެއެވެ. މިފަދަ ހާލަތެއްގައި މުވައްޒަފަށް ދިމާވި ހާލަތަކީ އެކަށީގެންވާ ސަބަބެއްތޯ ބަލައި، އެ ސަބަބަށް ރިއާޔަތްކޮށްފައި މުވައްޒަފު އެ ނަމާދަށް ހާޒިރުނުވުމަށް ހުއްދަ ދިނުމުގެ އިހްތިޔާރު ސުޕަވައިޒަރަށް ލިބިގެންވެއެވެ. މިގޮތަށް އެންގުމުން، އެ ނަމާދަށް ބަދަލު އިންތިޒާމު ހަމަޖައްސަންވާނެއެވެ. އަދި 1 (އެކެއް) ގަޑިއިރުގެ ކުރިން އަންގައިފައި ނުވާނަމަ، ނުވަތަ ސުޕަވައިޒަރު ހުއްދަ ދީފައި ނުވާނަމަ، އެ ވަގުތަށް މުވައްޒަފު ވަޒީފާއަށް ހާޒިރުނުވީކަމުގައި ބެލެވޭނެއެވެ.
13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 127 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ އަކުރުގެ ފަހަތަށް އަކުރެއް އިތުރުކުރުން.
މިސްކިތު މުވައްޒަފުންގެބަދަލުގައި މީހުން ހަމަޖެއްސުން 127.
(ހ) މިސްކިތު އިމާމުންނާއި މުދިމުން، ނުވަތަ މިސްކިތު މަސައްކަތު މީހުން ޗުއްޓީނެގުމުން ނުވަތަ މަސައްކަތަށް ހާޒިރު ނުވުމުން، އެ މަސައްކަތް ކުރާނޭ އެހެން މުވައްޒަފަކު ނެތް ހާލަތުގައި، އެ މުވައްޒަފެއްގެ ބަދަލުގައި، މި ގަވާއިދުގެ 9 ވަނަ ޗެޕްޓަރުގައިވާ ގޮތުގެ މަތީން، ވަގުތީ މުވައްޒަފަކު ގެންގުޅެވިދާނެއެވެ.
(ށ) މި ގަވާއިދުގައިވާ ގޮތުގެ މަތީ ން މިސްކިތެއްގައި ބަންގި ގޮވައި އިމާމުވެ ނަމާދުކުރާނެ މީހަކު ލިބެން ނެތް ހާލަތުގައި، އެ ނަމާދު ވަގުތަކަށް ބަންގި ގޮވައި ނަމާދުކުރުމުގެ މަސްއޫލިއްޔަތ،ު ސިވިލް ސަރވިސްގެ މުވައްޒަފަކާ ހަވާލުކުރެވިދާނެއެވެ. އެގޮތުން އެ މަސްއޫލިއްޔަތު ހަވާލުކުރެވޭ ފަރާތަކީ އެފަދަ މަސްއޫލިއްޔަތެއް ހަވާލުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ މިންގަނޑަށް ފެތޭ ފަރާތަކަށް ވާންވާނެއެވެ. މި ހާލަތުގައި މަސްއޫލިއްޔަތު އަދާކުރާ މުވައްޒަފަކީ އެހެން އިދާރާއެއްގައި މަސައްކަތްކުރުމަށް ވީއްލައިފައިވާ މުވައްޒަފެއް ކަމުގައި ބަލައި، އެ މުވައްޒަފަށް މުސާރައާއި އިނާޔަތްތައް ދޭނީ، އެ މުވައްޒަފުގެ ދާއިމީ ވަޒީފާ އޮތް އިދާރާއިންނެވެ. ނަމަވެސް އިމާމުވެ ނަމާދުކުރުމުން ލިބެންޖެހޭ އިނާޔަތްތައް އެފަދަ މުވައްޒަފަކަށް ހައްގުވާނެއެވެ.
14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 181 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ 181.
(ހ) މުވައްޒަފަކު ވިހެއުމުން، ދަރިފުޅަށް 6 (ހައެއް) މަސްދުވަސް ވަންދެން އެ މުވައްޒަފަށް ޗުއްޓީއެއ،ް ބަންދު ދުވަސްތައް ހިމަނައިގެން، މުސާރައާއެކު ދޭންވާނެއެވެ.
15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 186 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި އެ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ހައްޖާއި އުމްރާ ގެ ޗުއްޓީ 186.
(ހ) ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ހައްޖަށް ދާން އެދޭ މުވައްޒަފުންނަށް، ތިރީގައިވާ ގޮތުގެ މަތީން ހަމަ މުސާރައާއެކު، ހައްޖު ޗުއްޓީ ދެވިދާނެއެވެ.
- ހައްޖު ޗުއްޓީގެ ގޮތުގައި، މުސާރަ ލިބޭގޮތަށް، މުވައްޒަފު ހައްޖަށް ދިއުމަށް ފުރާ ދުވަހުން ފެށިގެން، ބަންދު ދުވަސްތައް ހިމަނައިގެން 35 (ތިރީސް ފަހެއް) ދުވަސް ނެގިދާނެއެވެ. މި ޗުއްޓީ ލިބޭނީ، މުވައްޒަފު ފުރަތަމަފަހަރަށް ހައްޖުގެ އަޅުކަން އަދާކުރާނަމައެވެ.
- އަތޮޅުތެރޭގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް މި މާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތުގެ އިތުރަށް، ބަންދު ދުވަސް ހިމަނައިގެން، 7 (ހަތެއް) ދުވަސް ނެގިދާނެއެވެ.
(ށ) ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން އުމްރާއަށް ދާން އެދޭމުވައްޒަފުންނަށް، ތިރީގައިވާ ގޮތުގެ މަތީން ހަމަ މުސާރައާއެކު، އުމްރާ ޗުއްޓީ ދެވިދާނެއެވެ.
- އުމްރާ ޗުއްޓީގެ ގޮތުގައި، މުސާރަ ލިބޭގޮތަށް، މުވައްޒަފު އުމްރާއަށް ދިއުމަށް ފުރާ ދުވަހުން ފެށިގެން، ބަންދު ދުވަސްތައް ހިމަނައިގެން 15 (ފަނަރަ) ދުވަސް ނެގިދާނެއެވެ. މި ޗުއްޓީ ލިބޭނީ، މުވައްޒަފު ފުރަތަމަ ފަހަރަށް އުމުރާގެ އަޅުކަން އަދާކުރާނަމައެވެ.
- އަތޮޅުތެރޭގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތުގެ އިތުރަށް، ބަންދު ދުވަސް ހިމަނައިގެން، 7 (ހަތެއް) ދުވަސް ނެގިދާނެއެވެ.
(ނ) މީހަކު އަދާކުރާ ފުރަތަމަ ހައްޖު ނުވަތަ ފުރަތަމަ އުމްރާ ފިޔަވައި އެހެން ހައްޖަކަށް ނުވަތަ އުމްރާއަށް އަހަރީ ޗުއްޓީގައި ނޫންގޮތަކަށް ދާނަމަ ދެވޭނީ، އެ ދުވަސްތަކަށް މުސާރަ ނުލިބޭގޮތަށް އެ އިދާރާއިން ހުއްދަ ލިބިގެންނެވެ.
(ރ) ފަރުޒު ހައްޖު ނުވަތަ ފުރަތަމަ އުމްރާ ފިޔަވައި ކޮންމެ އަހަރަކު ނުވަތަގިނަގިނައިން އުމްރާ ނުވަތަ ހައްޖަށް ދިއުމަށް ޓަކައި މުސާރަ ނުލިބޭ ޗުއްޓީއަށް އެދޭ މުވައްޒަފުންގެ މުސާރަ ނުލިބޭ ޗުއްޓީ އިދާރާއިން ހަމަޖެއްސުމުގައި، އެފަދަމުވައްޒަފުންގެ ވަޒީފާގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާނުކުރެވުމުގެ ސަބަބުން އެ އިދާރާއަކަށް ލިބިދާނޭ ގެއްލުމަށް ރިއާޔަތް ކުރަންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ނިމުމުގެ ކުރިން އެނބުރި ރަށަށް އާދެވިއްޖެނަމަ، ލަސްކުރުމަކާ ނުލައި، ވިދިގެން އަންނަ ރަސްމީ މަސައްކަތު ދުވަހު ވަޒީފާއަށް ހާޒިރުވާން ވާނެއެވެ.
16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 258 ވަނަ މާއްދާގެ ފެށުން އަންނަނިވި ގޮތަށް އިސްލާހުކުރުން.
މައްސަލައެއް ބެލުމަށް ޓަކައި އޮފީހަށް ނުކުތުން މަނާކުރެވޭ ހާލަތްތައް 258.
ތިރީގައި މިވާ ހާލަތްތަކުގައި ސިވިލް ސަރވިސްގެ މުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގެ އިދާރީ ތަހުގީގަށް އޮފީހަށް ނުކުތުން މަނާކުރެވިދާނެއެވެ.
17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 258 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
މައްސަލައެއް ބެލުމަށް ޓަކައި އޮފީހަށް ނުކުތުން މަނާކުރެވޭ ހާލަތްތައް 258.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކުރަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ވަޒަންކުރުމަށްފަހު، މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކުރުމަށް އެކަށީގެންވާ ހާލަތެއް އޮތްކަމުގައި ވާނަމައެވެ.
- މުވައްޒަފެއްގެ ވަޒީފާއާ ގުޅުންހުރި މައްސަލައެއް ބަލަމުންދާ ވަގުތެއްގައި އެ މުވައްޒަފާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ނައްތައިލުމަށް މަސައްކަތް ކޮށްފާނެ ކަމަށް ޓަކައި؛
- އެ މުވައްޒަފު ވަޒީފާއަށް ނުކުމެ އުޅުމުން އެ އިދާރާއަށް ނުވަތަ އެ އިދާރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް ނުވަތަ ހިދުމަތް ލިބިގަންނަން އަންނަ މީހަކަށް ނުވަތަ ބަޔަކަށް އެކަށީގެންވާ ހަމަތަކަށް ބަލާއިރު ސީދާ ގެއްލުމެއް ނުވަތަ މައްސަލައެއް ކުރިމަތިވެދާނެ ކަމަށް ބެލެވުން؛
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ރައްކައުތެރިކަން ދީފައިވާ މީހުންގެ ކަމަކާ ހަވާލުވެ ހުންނަ މީހަކު އެއިން މީހެއްގެ ރައްކައުތެރިކަމަށް އަރައިގެންފާނެކަމަށް ބެލެވުން ނުވަތަ އަރައިގަންނަން އުޅުން ނުވަތަ އަރައިގަތްކަމަށް ތުހުމަތު ކުރެވުން؛
18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 259 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް އޮފީހަށް ނުކުތުން މަނާކުރެވޭ ހާލަތްތަކާއި މުއްދަތު 259.
(ނ) ވަކި ލައިސަންސެއް އޮވެގެން ވަޒީފާ އަދާކުރަންޖެހޭ މުވައްޒަފަކު އެފަދަ ލައިސަންސެއް ކަމާބެހޭ އިދާރާއަކުން ވަގުތީގޮތުން ހިފެހެއްޓުން ނުވަތަ މުއްދަތު ހަމަވުން.
- މި ހާލަތުގައި މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރެވިފައިވާ މުއްދަތު 30 (ތިރީސް) ދުވަހަށްވުރެ އިތުރުވާނަމަ، އެ މުވައްޒަފު މި ގަވާއިދުގެ 103 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރަށް ރިއާޔަތްކޮށް ވަޒީފާއިން ވަކިކުރަންވާނެއެވެ.
- އޮފީހަށް ނުކުތުން މަނާކުރެވިފައިވާ މުއްދަތުގެ 30 (ތިރީސް) ދުވަހުގެ ތެރޭގައި ލައިސަންސް ހިފަހައްޓައިފައިވާ މުއްދަތު ހަމަވުމުން ނުވަތަ ލައިސަންސް އައުކުރެވުމުން އެ މުވައްޒަފު އެކަން އިދާރާއަށް ލިޔުމުން އަންގަންވާނެއެވެ. އަދި މުވައްޒަފު އެކަން އިދާރާއަށް ހުށަހަޅާ ތާރީހުން ފެށިގެން އޮފީހަށް ނުކުތުން މަނާކުރި ކުރުން ނިމުމަކަށް ގެނެވޭނެއެވެ.
19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 260 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
ޖިނާއީ ކުށްތަކަށް ތުހުމަތުކުރެވޭ މުވައްޒަފުން އޮފީހަށް ނުކުތުން މަނާކުރުން 260.
(ހ) ޓެރަރިޒަމުގެ ކުށްތަކާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން، މަސްތުވާތަކެތި ބޭނުންކުރުން، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ފަދަ އަދި އެނޫންވެސް ޖިނާއީ ބޮޑު ކުށަކަށް ތުހުމަތުކޮށް ތަހުގީގީ އިދާރާއަކުން އެ މައްސަލައެއް ތަހުގީގުކުރަން ފެށުން، ނުވަތަ އެފަދަ މައްސަލައެއް މުވައްޒަފު ވަޒީފާ އަދާކުރާ އިދާރާއިން ނުވަތަ ސިވިލް ސަރވިސް ކޮމިށަނުން ތަހުގީގީ އިދާރާއަކަށް ހުށަހެޅުން.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑެތި ކުށްތަކުގެ އިތުރުން، ޖިނާއީ ކުށްތަކަށް ތުހުމަތު ކުރެވޭ މުވައްޒަފުން އޮފީހަށް ނުކުތުން މަނާކުރުމަށް މަގުބޫލު ސަބަބެއް އޮތްކަމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެ މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކުރެވޭނެއެވެ. މި ހާލަތުގައި މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރުމަށް މުއްދަތު ކަނޑައަޅާނީ، ސިވިލް ސަރވިސް ކޮމިށަނުންނެވެ.
20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 269 ވަނަ މާއްދާގެ (ޏ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
ފުރަތަމަ ދަރަޖައިގެ ކުށްތައް 269.
(ސ) މުވައްޒަފު ވަޒީފާ އަދާކުރުމުގައި ނުވަތަ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުން.
21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 270 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދެވަނަ ދަރަޖައިގެ ކުށްތައް 270.
(ހ) މުވައްޒަފު ގަޑިޖެހިގެން ވަޒީފާއަށް ހާޒިރުވުމުގެ ސަބަބުން، މި ގަވާއިދުގެ 269 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަށް އިސްލާހީ ފިޔަވަޅު އަޅައިފައިވަނިކޮށް އަދި އަޅައިފައިވާ އިސްލާހީ ފިޔަވަޅު ބާތިލުވުމުގެ ކުރިން އެ ކުށް ތަކުރާރުކުރުން.
22 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 270 ވަނަ މާއްދާގެ (ޔ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
ދެވަނަ ދަރަޖައިގެ ކުށްތައް 270.
(ޕ) މުވައްޒަފު ވަޒީފާ އަދާކުރުމުގައި ނުވަތަ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުން. ތަހުގީގަށް މި ކުށް ސާބިތުވާ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގައި ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތް ކުރުމަށްފަހު، އެކަށީގެންވާ އިސްލާހީ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު، ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.
23 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 271 ވަނަ މާއްދާގެ (ހ) އުނިކުރުން.
24 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 271 ވަނަ މާއްދާގެ (ތ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
ތިންވަނަ ދަރަޖައިގެ ކުށްތައް 271.
(ލ) މުވައްޒަފު ވަޒީފާ އަދާކުރުމުގައި ނުވަތަ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުން. ތަހުގީގަށް މި ކުށް ސާބިތުވާ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގައި ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތް ކުރުމަށްފަހު، އެކަށީގެންވާ އިސްލާހީ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު، ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.
25 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 272 ވަނަ މާއްދާގެ (ގ) ގެ ފަހަތަށް ތިރީގައި މިވާ އަކުރުތައް އިތުރުކުރުން.
ވަޒީފާއިން ވަކިކުރެވޭ ފަދަ ކުށްތައް 272.
(ޏ) މުވައްޒަފު ގަޑިޖެހިގެން ވަޒީފާއަށް ހާޒިރުވުމުގެ ސަބަބުން، މި ގަވާއިދުގެ 270 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަށް ރިއާޔަތްކޮށް އިސްލާހީ ފިޔަވަޅެއްގެގޮތުން އިންޒާރުގެ ލިޔުން ދީފައިވަނިކޮށް، ގަޑިޖެހިގެން ވަޒީފާއަށް ހާޒިރުވުމުގެ ސަބަބުން މި ގަވާއިދުގެ 269 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށްކުރުން.
(ސ) މުވައްޒަފު ވަޒީފާ އަދާކުރުމުގައި ނުވަތަ މަސްއޫލިއްޔަތު އަދާކުރުމުގައި މުވައްޒަފު ކުރި ކަމަކުން، ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން، ނުވަތަ މުވައްޒަފުގެ އިހުމާލުން،ހިދުމަތް ލިބިގަންނަން އަންނަ ފަރާތަކަށް ނުވަތަ އެކުގައި މަސައްކަތްކުރާ މުވައްޒަފަކަށް ނުވަތަ އިދާރާއަށް ގެއްލުމެއްވުން. ތަހުގީގަށް މި ކުށް ސާބިތުވާ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގައި ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތް ކުރުމަށްފަހު، އެކަށީގެންވާ އިސްލާހީ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު، ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.
(ޑ) ޖިނާއީ ކުށްތަކަށް ތުހުމަތު ކުރެވޭ ސިވިލް ސަރވިސްގެ މުވައްޒަފުންގެ މައްސަލަ އިދާރީގޮތުން ތަހުގީގުކޮށް ބެލިއިރު، މަދަނީ މިންގަނޑުން އެ ކުށް ސާބިތުވުން. ތަހުގީގަށް މި ކުށް ސާބިތުވާ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގައި ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތް ކުރުމަށްފަހު، އެކަށީގެންވާ އިސްލާހީ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު، ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.
(ޒ) ދައުލަތުގެ ލިޔުންތަކާއި، ސިވިލް ސަރވިސްގެ އިދާރާތަކަށް ހުށަހަޅާ ލިޔުންތަކުގެ އަސްލު އޮޅުވައިލައި ބަދަލުކުރުން.
(ޓ) ގާނޫނު ނަންބަރު 2009-12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގެ 2 ވަނަ ބައިގައި ބަޔާންކޮށްފައިވާ ކުށްތައް.
- ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމާއި، ކުޑަކުއްޖަކު ޖިންސީ އަމަލެއްގައި ބައިވެރިކުރުވުމާއި، ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުމަށް އެހީތެރިވެދިނުމާއި، ކުޑަކުއްޖަކު ލައްވައި ގަސްތުގައި ހަށިވިއްކުވުމާއި، އޮރިޔާންކާޑު ހެދުމުގައި އެ ކުޑަކުއްޖާ ބައިވެރިކުރުވުމާއި، ކުޑަކުއްޖާގެ ޖިންސީ ގުނަވަނެއް ހާމަކޮށް ފެންނަގޮތަށް އޮރިޔާންކާޑު ހެދުން؛
- ޖިންސީ އަމަލެއް ހިންގަމުން ގެންދާތަން ބަލަން ކުޑަކުއްޖަކަށް މަޖުބޫރުކުރުވުމާއި، ނުވަތަ ޖިންސީ އަމަލެއް ހިންގަމުންގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުމާއި، އެފަދަ އަމަލެއް ހިންގާ އަޑު އިއްވުން؛
- ކުޑަކުއްޖެއްގެ ހާޒިރުގައި ޖިންސީ އަމަލެއް ގަސްތުގައި ހިންގުމާއި، ކުޑަކުއްޖަކަށް ފެންނާނެ ގޮތަށް އެ އަމަލު ކުރުމާއި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި، ނުވަތަ ކުޑަކުއްޖަކަށް އެ އަމަލު ފެންނާނެކަމަށް ގަބޫލުކޮށްގެން އެ އަމަލުކުރުން؛
- ކުޑަކުއްޖެއްގެ ކުރިމަތިފަރާތުގައި، ނުވަތަ ފުރަގަސްފަރާތުގައި ނުވަތަޖިންސީ އެހެންވެސް ގުނަވަނެއްގައި، ނުވަތަ ޖިންސީ އަރާމެއް ހޯދައިގަނެވޭ ހިސާބެއްކަމުގައި ބެލެވޭ ތަނެއްގައި އަތްލުން؛
- އެ މީހެއްގެ ޖިންސީ ގުނަވަނެއްކަމުގައި ބެލެވޭ އެއްވެސް ތަނެއް ކުޑަކުއްޖަކަށް ދައްކައިފިނަމަ، ނުވަތަ އެ މީހަކު ލައިގެންހުރި ހެދުމެއްގެ ބޭރުން ކުޑަކުއްޖަކަށް ފެންނާނެ ގޮތަކަށް ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރުން.
- ދައުލަތާއި، ސަރުކާރާއި، އޮފީސް ބަދުނާމުވާފަދަ ކަމެއް ކުރުން. ނަމަވެސ،ް ގާނޫނު ނަންބަރު 2019-16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ އިހްތިސާސްގެ ތެރެއިން މައްސަލަ ހުށަހެޅުމަކީ، މި މާއްދާގެ ބޭނުމަށް، ދައުލަތާއި ސަރުކާރާއި އޮފީސް ބަދުނާމުވާ ފަދަ ކަމެއް ކުރުން ކަމުގައެއް ނުބެލެވޭނެއެވެ.
26 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 273 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
އިސްލާހީ ފިޔަވަޅުތަކާއި، ފިޔަވަޅު ދެމިއޮންނާނެ މުއްދަތު 273.
(ނ) ތިންވަނަ ދަރަޖައިގެ ކުށްތަކަށް އަޅާނީ މުވައްޒަފުގެ މަގާމުގެ ފަންތި ދަށްކުރުމުގެ ފިޔަވަޅެވެ. މި ފިޔަވަޅު އެޅުމުގައި މުވައްޒަފަކު އަދާކުރާ މަގާމުގެ ވަޒީފާގެއޮނިގަނޑުގައި ހިމެނޭ 1 (އެކެއް) ފަންތިއަށްވުރެ ދަށް ފަންތީގެ މަގާމަކަށް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް މަގާމުގެ ފަންތި ދަށްކުރެވިދާނެއެވެ. އެފަދަ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ލިބޭނީ، މަގާމުގެ ފަންތި ދަށްކުރި ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަސް ވުމަށްފަހުގައެވެ. އަދި އެފަދަ މުވައްޒަފަކު ސިވިލް ސަރވިސްގެ އެހެން މަގާމަކަށް އައްޔަނުކުރެވޭނީ، މި ފިޔަވަޅު އެޅި ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ވުމަށްފަހުގައެވެ. މި ފިޔަވަޅު އަޅާއިރު ސ.ީއެސް. ވިއުގައިން މި ބަދަލުތަކުގެ ރިކޯޑު ފެންނަން ހުންނަންވާނެއެވެ. އަދި އެ މުވައްޒަފަށް، ވަޒީފާ ބަދަލުކުރި ޗިޓު ހަވާލުކުރަންވާނެއެވެ.
27 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 275 ވަނަ މާއްދާ އުނިކުރުން.
28 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 280 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާހުކުރުން.
މައްސަލަ ތަހުގީގުކުރުން 280.
(ހ) (1) މައްސަލަ ނުވަތަ ށަކުވާ ރައްދުވާ މުވައްޒަފުގެ ބަޔާން ނެގުން؛
29 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 287 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޖަވާބުދާރީވުމުގެ ފުރުސަތު ދިނުން 287.
(ހ) މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅެއް އެޅުމުގެ ކުރިން، ޖަވާބުދާރީވުމަށް، ބަންދު ދުވަސްތައް ނުހިމަނައި 5 (ފަހެއް) ދުވަހުގެ މުއްދަތެއް އެ މުވައްޒަފަށް ދޭންވާނެއެވެ. ސ.ީއެސް. ވިއުގަ މެދުވެރިކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ދެވޭ އިދާރާތަކުން އެ ލިޔުން ތައްޔާރުކުރަންވާނީ، ސ.ީއެސް. ވިއުގައިންނެވެ. އަދި ސ.ީއެސް. ވިއުގަ މެދުވެރިކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ތައްޔާރުކުރެވެން ނެތް އިދާރާތަކުން، މި ގަވާއިދުގެ ޖަދުވަލު 28 ގައިވާ "ޖަވާބުދާރީވުމުގެ ފުރުސަތު" ގެ ނަމޫނާ ބޭނުންކުރެވިދާނެއެވެ.
30 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ޖަދުވަލު 17
އުމުރުން 65 އަހަރު ވުމުން ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކުރެވޭއިރު އިނާޔަތް ދެވޭނޭ ގޮތް
ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގެ 49 ވަނަ މާއްދާއާއި 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ވުމުން ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކުރެވޭއިރު، މުސްކުޅިކުރުމުގެ އިނާޔަތުގެ ގޮތުގައި، ކޮންމެ މުވައްޒަފަކަށް ވެސ،ް ތިރީގައި މިވާ 2 (ދޭއް) ގޮތުންކުރެ، އެ ފަރާތަކުން ބޭނުންވާ ގޮތެއްގެ މަތީން އިނާޔަތް ދެވޭނެއެވެ.
- ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވުނުއިރު ލިބޭ މުސާރައާ އެއްވަރުގެ އެލަވަންސް 2 (ދޭއް) އަހަރުދުވަސް ވަންދެން ލިބުން. އަދި 2 (ދޭއް) އަހަރުދުވަސް ވުމުން އޭގެ ފަހުން ލިބޭނީ، ނަންބަރު (2) ގައިވާ، ކޮމިށަނުން ހަމަޖައްސާ އިނާޔަތެވެ. ނުވަތަ ގާނޫނެއްގައި ކަނޑައަޅައިފައިވާނަމަ، އެ އިނާޔަތެކެވެ.
- ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް، ކޮމިށަނުން ހަމަޖައްސާ އިނާޔަތް ލިބުން.
• މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް.
• މުސްކުޅިކުރެވޭއިރު އެއްފަހަރާ ދެވޭ އިނާޔަތް.
މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް.
މަހުންމަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ހިސާބުކުރާނ،ީ ވަޒީފާއިން މުސްކުޅިކުރެވޭއިރު މުވައްޒަފަށް ލިބެމުންދާ މުސާރަޔަށާއި ސަރުކާރުގައި އުޅެފައިވާ ހިދުމަތުގެ މުއްދަތަށް ބިނާކޮށެވެ. މިގޮތަށް ހިސާބުކުރުމުން ޖެހޭ އިނާޔަތް އެ މީހަކަށް 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅިކުރެވޭއިރު ލިބެމުންއައި މުސާރައަށްވުރެ ބޮޑުނަމަ، އެ މީހަކަށް މަހުންމަހަށް މުޅިއުމުރަށް ދެވޭ އިނާޔަތުގެ މިންވަރަކީ އެ މުސާރައިގެ އަދަދެވެ. ނުވަތަ ހިސާބު ކުރުމުން ޖެހޭވަރު 500 (ފަސްސަތޭކަ) ރުފިޔާއަށްވުރެ ކުޑަނަމަ، އެ މީހަކަށް މަހުން މަހަށް ދެވޭ އިނާޔަތުގެ އަދަދަކީ، 500 (ފަސްސަތޭކަ) ރުފިޔާއެވެ.
އެއްފަހަރާ ދެވޭ އިނާޔަތް.
- 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅި ކުރެވޭ މުވައްޒަފު ސަރުކާރުގައި ހިދުމަތްކޮށްފައިވަނީ 30 (ތިރީސް) އަހަރަށްވުރެ ކުރު މުއްދަތެއްގައި ކަމަށް ވާނަމަ، އެ މީހަކު ސަރުކާރަށް ހިދުމަތްކުރި ކޮންމެ އަހަރަކަށް، 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅި ކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުންއައި މުސާރައިގެ 1/3 (ތިންބައިކުޅަ އެއްބައި) އެއްފަހަރާ ލިބިދެވޭނެއެވެ.
- 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅި ކުރެވޭ މުވައްޒަފު ސަރުކާރުގައި ހިދުމަތްކޮށްފައިވަނީ 30 (ތިރީސް) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގައި ކަމަށް ވާނަމަ، އެ މީހަކު ސަރުކާރަށް ހިދުމަތްކުރި ކޮންމެ އަހަރަކަށް 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅި ކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުންއައި މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) އެއްފަހަރާ ލިބިދެވޭނެއެވެ.
- މަތީގައި ބަޔާންކޮށްފައިވާ ގޮތަށް މުސްކުޅިކުރުމުގެ އިނާޔަތް ދެމުންގެންދާނ،ީ ދިވެހި ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުން މުސްކުޅިކުރުމާބެހޭ ކަންތައްތައް ކަނޑައަޅާ ގާނޫނެއް ނުވަތަ އެހެން ގަވާއިދެއް އެކަށައަޅައި، އެ ގާނޫނަކަށް ނުވަތަ ގަވާއިދަކަށް އަމަލުކުރަން ފެށުމާ ހަމަޔަށެވެ.
ޖަދުވަލު 18
މުރުން 55 އަހަރު ވުމުން ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކުރެވޭ ފަރާތްތަކަށް
މުސްކުޅިކުރުމުގެ އިނާޔަތް ދެވޭނޭ ގޮތް
ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގެ 49 ވަނަ މާއްދާއާއި 50 ވަނަ މާއްދާގެ ދަށުން އުމުރުން 55 (ފަންސާސްފަހެއް) އަހަރުވެގެން ވަޒީފާއިން މުސްކުޅިވުމުގެ ހައްގު ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބިދޭތީ، އެފަދައިން މުސްކުޅި ކުރެވޭ މުވައްޒަފުންނަށް އިނާޔަތް ދިނުމަށް ހަމަޖެހިފައިވާގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
1. އުމުރުން 55 އަހަރު ވުމުން މުވައްޒަފަކު އަމިއްލައަށް އެދިގެން ވަޒީފާއިން މުސްކުޅިކުރުން.
އުމުރުން 55 (ފަންސާސްފަހެއް) އަހަރު ވުމުން އަމިއްލައަށް އެދިގެން ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކުރެވޭ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވަނީ މަހުންމަހަށް ދެވޭ އިނާޔަތެވެ. އެ އިނާޔަތުގެ ތަފުސީލު، ތިރީގައި މިވަނީއެވެ.
މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް.
މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ހިސާބުކުރާނ،ީ ވަޒީފާއިން މުސްކުޅިކުރެވޭއިރު މުވައްޒަފަށް ލިބެމުންދާ މުސާރަޔަށާއި ސަރުކާރުގައި އުޅެފައިވާ ހިދުމަތުގެ މުއްދަތަށް ބިނާކޮށެވެ. މިގޮތަށް ހިސާބުކުރުމުން ޖެހޭ އިނާޔަތް އެ މީހަކު މުސްކުޅިކުރެވޭއިރު ލިބެމުންއައި މުސާރައަށްވުރެ ބޮޑުނަމަ، އެ މީހަކަށް މަހުން މަހަށް މުޅިއުމުރަށް ދެވޭ އިނާޔަތުގެ މިންވަރަކީ، އެ މުސާރައިގެ އަދަދެވެ. ނުވަތަ ހިސާބުކުރުމުން ޖެހޭވަރު 500 (ފަސްސަތޭކަ) ރުފިޔާއަށްވުރެ ކުޑަނަމަ، އެ މީހަކަށް މަހުން މަހަށް ދެވޭ އިނާޔަތުގެ އަދަދަކީ، 500 (ފަސްސަތޭކަ) ރުފިޔާއެވެ.
އުމުރުން 55 އަހަރުވުމުން ކޮމިށަނަށް ލިބިދޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކުރުން.
އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުމުން، މުވައްޒަފު މަސައްކަތްކުރާ އޮފީހުން އެދިގެން ނުވަތަ ސިވިލް ސަރވިސް ކޮމިށަނަށް ލިބިދޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކުރެވޭ ފަރާތްތަކަށް 2 (ދޭއް) އިނާޔަތެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އެ އިނާޔަތްތަކުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
2.1 އެއްފަހަރާ ދެވޭ އިނާޔަތް.
(ހ) 55 (ފަންސާސްފަހެއް) އަހަރުވުމުން ކޮމިށަނަށް ލިބިދޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފު ސަރުކާރުގައި ހިދުމަތްކޮށްފައިވަނީ 30 (ތިރީސް) އަހަރަށްވުރެ ކުރު މުއްދަތެއްގައި ކަމަށް ވާނަމަ، އެ މީހަކު ސަރުކާރަށް ހިދުމަތްކުރި ކޮންމެ އަހަރަކަށް، މުސްކުޅި ކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުންއައި މުސާރައިގެ 1/3 (ތިންބައިކުޅަ އެއްބައި) އަށްވާ ފައިސާގެ ތެރެއިން އަހަރަކަށް ޖެހޭ އަދަދު ބަލައި، އެ އަދަދުން އެ މުވައްޒަފު ވަކިކުރާއިރު ހުރި އުމުރުގެ އަދަދާ ގުނަކުރުމުން އަންނަ އަދަދު އެއްފަހަރާ ލިބިދެވޭނެއެވެ.
(ށ) 55 (ފަންސާސްފަހެއް) އަހަރު ވުމުން ކޮމިށަނަށް ލިބިދޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅި ކުރެވޭ މުވައްޒަފު ސަރުކާރުގައި ހިދުމަތްކޮށްފައިވަނީ 30 (ތިރީސް) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގައި ކަމަށް ވާނަމަ، އެ މީހަކު ސަރުކާރަށް ހިދުމަތްކުރި ކޮންމެ އަހަރަކަށް، މުސްކުޅިކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުންއައި މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) އަށްވާ ފައިސާގެ ތެރެއިން އަހަރަކަށް ޖެހޭ އަދަދު ބަލައި، އެ އަދަދު، އެ މުވައްޒަފު ވަކިކުރާއިރު ހުރި އުމުރުގެ އަދަދާ ގުނަކުރުމުން އަންނަ އަދަދު އެއްފަހަރާ ލިބިދެވޭނެއެވެ.
2.2 މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް.
(ހ) މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ހިސާބުކުރާނ،ީ ވަޒީފާއިން މުސްކުޅިކުރެވޭއިރު މުވައްޒަފަށް ލިބެމުންދާ މުސާރަޔަށާއި ސަރުކާރުގައި އުޅެފައިވާ ހިދުމަތުގެ މުއްދަތަށް ބިނާކޮށެވެ. މިގޮތަށް ހިސާބުކުރުމުން ޖެހޭ އިނާޔަތް އެ މީހަކު މުސްކުޅިކުރެވޭއިރު ލިބެމުންއައި މުސާރައަށްވުރެ ބޮޑުނަމަ، އެ މީހަކަށް މަހުން މަހަށް މުޅިއުމުރަށް ދެވޭ އިނާޔަތުގެ މިންވަރަކީ، އެ މުސާރައިގެ އަދަދެވެ. ނުވަތަ ހިސާބު ކުރުމުން ޖެހޭވަރު 500 (ފަސްސަތޭކަ) ރުފިޔާއަށްވުރެ ކުޑަނަމަ، އެ މީހަކަށް މަހުންމަހަށް ދެވޭ އިނާޔަތުގެ އަދަދަކީ، 500 (ފަސްސަތޭކަ) ރުފިޔާއެވެ.
(ށ) މަތީގައި ބަޔާންކޮށްފައިވާ ގޮތަށް މުސްކުޅިކުރުމުގެ އިނާޔަތް ދެމުން ގެންދާނ،ީ ދިވެހި ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުން މުސްކުޅިކުރުމާބެހޭ ކަންތައްތައް ކަނޑައަޅާ ގާނޫނެއް ނުވަތަ އެހެން ގަވާއިދެއް އެކަށައެޅެންދެނެވެ.
މައި ގަވާއިދު
ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 2014-311)
ކޮންސޮލިޑޭޓެޑް ގަވާއިދު
ސިވިލް ސަރވިސްގެ ގަވާއިދު 2014 (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-311)
ކިޔުންތެރިންގެ ހިޔާލު