ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 2014-311) އަށް 18 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-24)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 21 އެޕްރީލް 2026 ގައި)
ގަވާއިދު ނަންބަރު 2014-311 (ދިވެހި ސިވިލް ސަރވިސް ސަރވިސްގެ ގަވާއިދު) އަށް 18 ވަނަ އިސްލާހު ގެނައުން.
1 ވަނަ މާއްދާ - ގަވާއިދު ނަންބަރު 2014-311 (ދިވެހި ސިވިލް ސަރވިސް ސަރވިސްގެ ގަވާއިދު) އަށް 30 ވަނަ ޗެޕްޓަރު އިތުރުކުރުން.
2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ޗެޕްޓަރ 30
ސިވިލް ސަރވިސް ރީއެމްޕްލޯއިމަންޓް
309 ވަނަ މާއްދާ - ތައާރުފު
ގާނޫނު ނަންބަރ 2026-01 (ރީއެމްޕްލޯއިމަންޓް ގާނޫނު) ގެ ދަށުން، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން، އުމުރުން 65 (ފަސްދޮޅަސް) ފަހެއް އަހަރަށް ފަހު، ވަޒީފާގައި ދެމިތިބެން އެދޭ މުވައްޒަފުންނަށް ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގައި، އަމަލުކުރާނެ ހަމަތަކާއި، އުސޫލުތައް މި ޗެޕްޓަރުގައި ބަޔާންކުރެވިފައިވާނެއެވެ.
310 ވަނަ މާއްދާ - މަގުސަދު
(ހ) ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް، އުމުރުން 75 (ހަތްދިހަ) ފަހެއް އަހަރު ފުރުމާ ހަމަޔަށް، މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށް ޓަކައި، ރީއެމްޕްލޯއިމަންޓް އުސޫލުން، ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި، ރީ-އެމްޕްލޯއިމަންޓް އުސޫލުން، ވަޒީފާ އަދާކުރުމުގައި، އަމަލުކުރެވޭނެ އުސޫލުތައް ބަޔާންކުރުމެވެ.
(ށ) ރީއެމްޕްލޯއިމަންޓް އުސޫލުގެ ދަށުން، ވަޒީފާ ހަމަޖައްސާނީ ސިވިލް ސަރވިސްގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށެވެ.
311 ވަނަ މާއްދާ - ރީ-އެމްޕްލޯއިމަންޓް އުމުރު
(ހ) މި ގަވާއިދުގެ ދަށުން، ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ، އުމުރުން 65 (ފަސްދޮޅަސް) ފަހެއް، އަހަރުން ފެށިގެން، 75 (ހަތްދިހަ) ފަހެއް، އަހަރު ފުރުމާ ހަމައަށެވެ.
(ށ) މި މާއްދާގެ (ހ) ގައި، އެހެން ބަޔާންކޮށްފައި، އޮތް ނަމަވެސް، މި ގަވާއިދުގެ 312 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައިވާ ފަރާތްތަކަށް އުމުރުން 65 (ފަސްދޮޅަސް) ފަހެއް އަހަރު ފުރުމަށްފަހުގައި، ވެސް، ރީއެމްޕްލޯއިމަންޓްގެ ފުރުސަތު ދެވޭނެއެވެ.
(ނ) ރީ-އެމްޕްލޯއިމަންޓް އުސޫލުން، ވަޒީފާ ދެވޭނީ، ވަޒީފާއަށް އެދޭ، ތާރީހުން ފެށިގެން އެ ފަރާތެއްގެ އުމުރުން 75 (ހަތްދިހަ) ފަހެއް، އަހަރު ފުރުމާ ހަމަޔަށް، މަދުވެގެން 13 (ތޭރަ) މަސްދުވަސް އޮތް ފަރާތަކަށްވާ ނަމައެވެ.
312 ވަނަ މާއްދާ - ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނެ ފަރާތްތައް
އަންނަނިވި ފަރާތްތަކަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރީއެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ ހަމަޖައްސައިދެވިދާނެއެވެ.
(ހ) ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ތެރެއިން މި ގަވާއިދުގެ 311 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރީއެމްޕްލޯއިމަންޓް އުމުރުގައި ވަޒީފާގައި ދެމިހުންނަން އެދޭ ފަރާތްތައް.
(ށ) ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން ފެބުރުވަރީ 2019 އިން ފެށިގެން 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް، ވަޒީފާއިން ވަކިވެފައިވާ ފަރާތްތައް. ނަމަވެސް، އެ ފަރާތަކީ ވަޒީފާއަށް އެދޭ ތާރީހުން ފެށިގެން، އެ ފަރާތެއްގެ އުމުރުން 75 (ހަތްދިހަ ފަހެއް) އަހަރު ފުރުމާ ހަމަޔަށް، މަދުވެގެން 13 (ތޭރަ) މަސްދުވަސް އޮތް ފަރާތަކަށް ވާންވާނެއެވެ.
313 ވަނަ މާއްދާ - ރީއެމްޕްލޯއިމަންޓް މުއްދަތު
މި ގަވާއިދުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސާނީ، ގާނޫނު ނަންބަރ 2026-01 (ރީއެމްޕްލޯއިމަންޓް ގާނޫނު) ގެ 22 ވަނަ މާއްދާއާ އެއްގޮތަށް އެކުލަވައިލައި، އަހަރުން އަހަރަށް އައުކުރާ 12 (ބާރަ) މަސްދުވަހުގެ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުންނެވެ.
314 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދެވިދާނެ ގޮތްތައް
(ހ) މި ގަވާއިދުގެ 311 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ ފަރާތްތަކަށް ރީއެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ ދިނުމުގައި، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ވަޒީފާ ހަމަޖައްސައިދެވިދާނެއެވެ.
- އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރު ހަމަވި އިރު، މުވައްޒަފު ހުރި މަގާމު ހަމަ އެގޮތުގައި ހަމަޖެއްސުން؛
- އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރު ހަމަވި އިރު، މުވައްޒަފު ހުރި މަގާމު ނޫން އެހެން މަގާމެއް ހަމަޖެއްސުން؛
- އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރު ހަމަވި އިރު، މުވައްޒަފު ހުރި މަގާމުގެ މަސްއޫލިއްޔަތުތަކަށް ބަދަލުގެނައުމާއެކު މުސާރައާއި އިނާޔަތްތަކަށް ބަދަލުގެނެސް ވަޒީފާ ހަމަޖެއްސުން.
(ށ) ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދިނުމަށް އެދެނީ، ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން ފެބުރުވަރީ 2019 އިން ފެށިގެން 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ނަމަ، އެ ފަރާތަކަށް، ތިރީގައި ކަނޑައަޅައިފައިވާ ށަރުތުތަކާ އެއްގޮތަށް، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ވަޒީފާ ހަމަޖައްސައިދެވިދާނެއެވެ.
- ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކަށް ވުން؛
- އުމުރުން 75 (ހަތްދިހަ ފަހެއް) އަހަރު ފުރުމާ ދޭތެރޭގައި މަދުވެގެން 13 (ތޭރަ) މަސްދުވަސް އޮތް ފަރާތަކަށް ވުން؛
- ވަޒީފާ އަދާކުރި އިދާރާގެ އޮނިގަނޑުގައި ށަރުތު ހަމަވާ ހުސް ވަޒީފާއެއް އޮތް ފަރާތަކަށް ވުން؛
- ވަޒީފާއަށް އެދޭ ފަރާތަކީ ކުރިމަތިލާ މަގާމުގެ ށަރުތު ހަމަވާ ފަރާތަކަށް ވުން.
315 ވަނަ މާއްދާ - މުވައްޒަފު ހުރި މަގާމު ހަމަ އެގޮތުގައި ހަމަޖެއްސުން
މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުވާ މުވައްޒަފުންގެ ތެރެއިން ވަޒީފާގައި ދެމިތިބެން ބޭނުންވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް، އެ މުވައްޒަފު ހުރި މަގާމު، މި މާއްދާގައިވާ ގޮތުގެ މަތީން ހަމަޖެއްސިދާނެއެވެ.
(ހ) މުވައްޒަފު ހުރި މަގާމު ހަމަ އެގޮތުގައި ހަމަޖެއްސުމަށް، އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމުގެ 6 (ހައެއް) މަސްދުވަހުގެ ކުރިން އެ ކަމަށް އެދި، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އިދާރާއަށް ލިޔުމުން ހުށަހެޅުން.
(ށ) މި ގަވާއިދަށް އަމަލުކުރާ ތާރީހުން ފެށިގެން 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމާ ހަމަޔަށް 6 (ހައެއް) މަސްދުވަސް ނެތް ނަމަ، އެ ފަރާތަށް 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމުގެ ކުރިން، އެ ކަމަށް އެދި، މަސައްކަތްކުރާ އިދާރާއަށް ހުށަހެޅިދާނެއެވެ.
(ނ) ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދިނުމަށް އެދެނީ ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން ފެބުރުވަރީ 2019 އިން ފެށިގެން 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް، ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، ވަޒީފާ ހަމަޖައްސައިދިނުމަށް އެދި، އެ އިދާރާއަކަށް ހުށަހަޅަންވާނެއެވެ.
(ރ) ވަޒީފާއަށް އެދި ހުށަހަޅާ ފަރާތެއްގެ ހުށަހެޅުމާ މެދު ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، އެ އިދާރާއަކުން ގޮތެއް ނިންމައި، އެ ކަން ލިޔުމުން އެ ފަރާތަކަށް އަންގަންވާނެއެވެ.
316 ވަނަ މާއްދާ - މުވައްޒަފު ހުރި މަގާމު ނޫން އެހެން މަގާމެއް ހަމަޖެއްސުން
މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، އުމުރުން 65 (ފަސްދޮޅަސް) ފަހެއް އަހަރުވާ މުވައްޒަފުންނާއި ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން، 7 ފެބުރުވަރީ 2019 އިން ފެށިގެން 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި އުމުރުން 65 (ފަސްދޮޅަސް) ފަހެއް އަހަރުވުމުން، ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އޭނާ ވަޒީފާ އަދާކުރި އިދާރާގެ އެހެން ވަޒީފާއެއް ހަމަޖެއްސިދާނެއެވެ.
(ހ) ވަޒީފާ އަދާކުރި އިދާރާގެ އޮނިގަނޑުގައި ހުސް މަގާމެއް އޮތުން.
(ށ) ވަޒީފާއަށް އެދި ހުށަހަޅާ މަގާމަށް މީހަކު ހަމަޖެއްސުމުގެ ބަޖެޓަށް ހުއްދަ ލިބިފައިވުން.
(ނ) ވަޒީފާއަށް އެދި ހުށަހަޅާ މަގާމުގެ ށަރުތު ފުރިހަމަވުން.
317 ވަނަ މާއްދާ - މަގާމުގެ މަސްއޫލިއްޔަތުތަކަށް ބަދަލުގެނައުމާއެކު މުސާރައާއި އިނާޔަތްތަކަށް ބަދަލުގެނެސްގެން ވަޒީފާ ހަމަޖެއްސުން
މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، އުމުރުން 65 (ފަސްދޮޅަސް) ފަހެއް އަހަރުވާ މުވައްޒަފުންނާއި ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން 7 ފެބުރުވަރީ 2019 އިން ފެށިގެން، 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި އުމުރުން 65 (ފަސްދޮޅަސް) ފަހެއް އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް މި މާއްދާގައި، ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަގާމުގެ މަސްއޫލިއްޔަތުތަކާއި މުސާރައާއި އިނާޔަތްތަކަށް ބަދަލުގެނައުމަށްފަހު، އޭނާ ވަޒީފާ އަދާކުރި އިދާރާގެ ހުސް މަގާމަކަށް އައްޔަނު ކުރެވިދާނެއެވެ.
(ހ) ވަޒީފާ އަދާކުރި އިދާރާގެ އޮނިގަނޑުގައި ހުސް މަގާމެއް އޮތުން.
(ށ) ވަޒީފާއަށް އެދި ހުށަހަޅާ މަގާމަށް، މީހަކު ހަމަޖެއްސުމަށް ޓަކައި ބޭނުންވާ ބަޖެޓަށް ހުއްދަ ލިބިފައިވުން.
(ނ) ވަޒީފާއަށް އެދި ހުށަހަޅާ މަގާމުގެ ށަރުތު ފުރިހަމަވުން.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން މަގާމުގެ ށަރުތު ހަމަނުވާ ނަމަ، މަގާމުގެ މަސްއޫލިއްޔަތުތަކަށް ބަދަލުގެނެސްގެން އެ މަގާމު ހަމަޖެއްސުން.
318 ވަނަ މާއްދާ - ވަޒީފާ އަދާކުރި އިދާރާ އުވިފައިވާ ފަރާތްތަކާއި، ވަޒީފާ އަދާކުރި އިދާރާ ބަދަލުވެފައިވާ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުން
މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުވާ މުވައްޒަފުންނާއި، ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން 7 ފެބުރުވަރީ 2019 އިން ފެށިގެން 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް، ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގައި މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތް
ކުރަންވާނެއެވެ.
(ހ) ސަރުކާރު ހިންގުމުގެ ނިޒާމަށް ގެންނަ ބަދަލެއްގެ ސަބަބުން އޮފީހަކުން ކުރަމުންދިޔަ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް އެހެން އޮފީހަކަށް ބަދަލުކުރުމުން، އެ މަސައްކަތް ބަދަލުވި އޮފީހަކަށް މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ ފަރާތަކަށް ވަޒީފާ ހަމަޖައްސައިދެވިދާނެއެވެ.
(ށ) މި އަކުރުގައި ބަޔާންކޮށްފައިވާ އިދާރާތަކުގައި މަސައްކަތްކުރި ފަރާތްތަކަށް ރީއެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ ހަމަޖައްސައެއް ނުދެވޭނެއެވެ.
- ސަރުކާރުގެ ހިންގުމުގެ ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ސަބަބުން އެ އޮފީހެއް ނުވަތަ އޮފީހުގެ ބައެއް އުވުމުގެ ސަބަބުން އޮފީހުގެ ނުވަތަ އޮފީހުގެ ބައެއް އުވައިލުން؛
- އޮފީހެއް ނުވަތަ އޮފީހުން ބައެއް ޕްރައިވަޓައިޒްކުރުމުގެ ސަބަބުން ނުވަތަ ކޯޕަރަޓައިޒްކުރުމުގެ ސަބަބުން ނުވަތަ މި ނޫންވެސް ގޮތަކަށް ސިވިލް ސަރވިސްއިން ދެމުންދިޔަ ހިދުމަތެއް ސިވިލް ސަރވިސްގައި ނުހިމެނޭގޮތަށް ބަދަލުވުން؛
- މުވައްޒަފަކު އަދާކުރި ވަޒީފާގެ މަސައްކަތް އައުޓްސޯސްކުރުމުގެ ސަބަބުން އެ މަގާމު އުވައިލުން.
319 ވަނަ މާއްދާ - ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ ފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް
މި ގަވާއިދުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާދެވޭ ފަރާތްތަކަށް މުސާރައާއި އިނާޔަތްތައް ދޭނ،ީ ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅައިފައިވާ ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާދެވޭ ފަރާތްތަކަށް މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ މިންގަނޑުގައިވާ ގޮތުގެ މަތީންނެވެ.
320 ވަނަ މާއްދާ - ވަޒީފާއިން ވަކިވުން
(ހ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފު، 21 (އެކާވީސް) ދުވަހުގެ ނޯޓިސް އިދާރާއަށް ދިނުމަށްފަހ،ު ވަޒީފާއިން ވަކިވެވިދާނެއެވެ.
(ށ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ މުވައްޒަފުންގެ މައްޗަށް ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ނޯޓިސް ދިނުމުގެ އުސޫލެއް ނުހިނގާނެއެވެ.
321 ވަނަ މާއްދާ - ޗުއްޓީ
(ހ) ރީ-އެމްޕްލޯއިމަންޓް އުސޫލުން، ވަޒީފާ ދެވޭ މުވައްޒަފުންނަށް، ކޮންމެ އަހަރަކު، މުސާރަ ލިބޭގޮތަށް މަދުވެގެން 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، އަހަރީ ޗުއްޓީގެ ގޮތުގައި ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗުއްޓީ މުވައްޒަފުންނަށް ދިނުމުގައި ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 39 ވަނަ މާއްދާއާއި އެ ގާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗުއްޓީ ފިޔަވައި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ މުވައްޒަފުންނަށް ދެވޭނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 42 ވަނަ މާއްދާއިން ފެށިގެން އެ ގާނޫނުގެ 49 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ ޗުއްޓީތައް އެ ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށެވެ. އަދި އެ ޗުއްޓީތައް ދިނުމުގައި އަމަލުކުރާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
322 ވަނަ މާއްދާ - ޕެންށަނާއި އެހެނިހެން އިނާޔަތްތައް ލިބިދެވޭނެ އުސޫލު
(ހ) މި ގަވާއިދުގެ ދަށުން ރ-ީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް، މި ގަވާއިދުގެ ދަށުން ވަޒީފާ އަދާކުރަމުންދާ މުއްދަތުގައި، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ފިޔަވައި، އެ ގާނޫނުގެ ދަށުން ލިބިދޭ އެހެނިހެން ޕެންށަނުގެ ފައިސާ ލިބިދެވޭނެއެވެ. އަދި ރ-ީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ޕެންށަން ފައިސާ ދިނުމުގައި އަމަލުކުރާނ،ީ މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ވަޒީފާގެ ހިދުމަތުގެ މުއްދަތަށް ބިނާކޮށް ދެވޭ އެއްވެސް އިނާޔަތެއް ދިނުމުގެ ބޭނުމުގައި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ މުއްދަތެއް ނުގުނޭނެއެވެ.
323 ވަނަ މާއްދާ - ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތްތަކަށް އެންގުން
މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުވާ މުވައްޒަފުންނާއި، ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން 7 ފެބުރުވަރީ 2019 އިން ފެށިގެން 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، އުމުރުން 65 (ފަސްދޮޅަސް ފަހެއް) ވުމުން ވަޒީފާއިން މުސްކުޅިކޮށް، ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮތްކަން އެ ފަރާތްތަކަށް އެންގުމުގެ ގޮތުން، ސިވިލް ސަރވިސް ކޮމިށަނުން މި ގަވާއިދަށް އަމަލުކުރަންވފަށާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއުލާނު ކުރަންވާނެއެވެ.
މައި ގަވާއިދު
ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 2014-311)
ކޮންސޮލިޑޭޓެޑް ގަވާއިދު
ސިވިލް ސަރވިސްގެ ގަވާއިދު 2014 (ކޮންސޮލިޑޭޓެޑް ނަންބަރު 2014-311)
ކިޔުންތެރިންގެ ހިޔާލު