-

މާލިއްޔަތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-158)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 19 ސެޕްޓެމްބަރު 2023 ގައި)

(މި ގަވާއިދުގެ 19.02 ވަނަ މާއްދާގެ (ށ) އިން މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2017-20) އުވާލެވިފައި) 


ބާބު 1

އިބްތިދާއީ މާއްދާތައް

 

1.01 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 49 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" އެވެ.

 

1.02 ވަނަ މާއްދާ - ގަވާއިދުގެ އިހްތިސާސް

(ހ) މި ގަވާއިދުގެ ސަބަބުން ދިވެހިރާއްޖޭގެ އެހެން ގާނޫނަކުން އުފުލަންޖެހޭ އެއްވެސް ޒިންމާއަކުން ބަރީއައެއް ނުވެވޭނެއެވެ.

(ށ) ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ ހުރިހާ އޮފީސްތަކެއްގެ މާލީ އުސޫލުތަކާއި އެ ކަންކަމާ ގުޅޭ އެހެނިހެން އުސޫލުތައް ހިންގަންވާނީ، އެހެން ގާނޫނެއްގައި ވަކިގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، މި ގަވާއިދާ އެއްގޮތަށެވެ.

(ނ) ދައުލަތުގެ މާލިއްޔަތާ ގުޅޭ ހުރިހާ ކަމެއް ހިންގައި ބަލަހައްޓަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި، މި ގަވާއިދާއި، މި ގަވާއިދުގެ ދަށުން އާންމުކުރާ އުސޫލުތަކާއި، މި ގަވާއިދުގެ ދަށުން މިނިސްޓަރު ނެރޭ، މާލިއްޔަތާ ގުޅޭ ސަރކިއުލަރތަކާ އެއްގޮތަށެވެ.

(ރ) މި ގަވާއިދުގެ ދަށުން މިނިސްޓަރު ނެރޭ އުސޫލުތަކާއި، މާލިއްޔަތާ ގުޅޭ ސަރކިއުލަރތައް، އާންމުކޮށް ށާއިއު ކުރަންވާނެއެވެ.

 

1.03 ވަނަ މާއްދާ - ގަވާއިދަށް ނުވަތަ ގަވާއިދުން ބަޔަކަށް އަމަލުކުރަން ނުޖެހޭ ހާލަތު

(ހ) މި ގަވާއިދަށް ނުވަތަ ގަވާއިދުން ބަޔަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް މިނިސްޓަރަށް ނިންމޭނީ، ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެންނެވެ.

  1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު؛
  2. ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން އިއުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތު؛
  3. ގާނޫނު ނަންބަރު 2015-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކާރިސާގެ ހާލަތު.

(ށ) މި ގަވާއިދަށް ނުވަތަ ގަވާއިދުން ބަޔަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް މިނިސްޓަރަށް ނިންމާ ހާލަތުގައި، ގަވާއިދަށް އަމަލުނުކުރަން ނިންމި ނިންމުމަށް ވާސިލުވީ ކޮންކޮން ކަންތައްތަކަކާ ގުޅިގެންކަމާއި، އެ ހާލަތުގައި ގަވާއިދަށް އަމަލުކުރުމުން ދަތިކޮށް ކުރިމަތިވަނީ ކޮންކޮން ކަންތައްތަކެއްކަން ތަފުސީލުކޮށް އެނގޭގޮތަށް ސަބަބު ބަޔާންކޮށް، އަދި މި ގަވާއިދުން އަމަލުނުކުރާނެ ބައިތަކާއި، އަމަލު ނުކުރާނެ މުއްދަތާއި، އެ މުއްދަތުގައި އަމަލުކުރާނެ ގޮތުގެ ތަފުސީލު އެނގޭނެ ގޮތަށް މިނިސްޓަރުގެ ގަރާރަކުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ނ) މި ގަވާއިދަށް ނުވަތަ ގަވާއިދުން ބަޔަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް މިނިސްޓަރު ނިންމާ ހާލަތުގައި، ގަވާއިދަށް ނުވަތަ ގަވާއިދުން ބަޔަކަށް އަމަލުނުކުރަން މިނިސްޓަރު ނިންމައިފައިވާ މުއްދަތުގެ ތެރޭގައި ކުރާ ހަރަދުތަކުގެ ތަފުސީލު، އެ އިދާރާއަކުން، މަދުވެގެން ހަފުތާއަކު 1 (އެކެއް) ފަހަރު އާންމުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ކުރާ ހަރަދުތަކުގެ އިންޓަރނަލް އޮޑިޓެއް، މިނިސްޓްރީން ކުރިޔަށް ގެންދަންވާނެއެވެ.

(ބ) މި ގަވާއިދަށް ނުވަތަ ގަވާއިދުން ބަޔަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް މިނިސްޓަރު ނިންމާ ހާލަތުގައި ކުރާ ހަރަދުތައް، އެ އިދާރާއެއްގެ މާލީ ޒިންމާދާރު ވެރިޔާ، ހާއްސަ އިސްކަމެއްދީގެން ބަލަންވާނެއެވެ.

(ޅ) ހަނގުރާމައެއްގެ ހާލަތު ގައުމަށް މެދުވެރިވެގެން، ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެގެން، ނުވަތަ ބޭރުގެ ހަމަލައެއް ކުރިމަތިވެދާނެކަމުގެ ބިރު ހީވެގެން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ކުރިމަތިވެއްޖެނަމަ، މިނިސްޓަރުގެ ހުއްދަޔާއެކު، ނުވަތަ އެ ވުޒާރާ ހިންގުން ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ މީހެއްގެ ހުއްދަޔާއެކު، ޗީފް އޮފް ޑިފެންސް ފޯސް އަންގާ ގޮތެއްގެ މަތީން، ދައުލަތުގެ ފައިސާ ހަރަދުކުރެވިދާނެއެވެ.

(ކ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ފަހަރަކު ބޭނުންވާ މިންވަރަކަށް މިނިސްޓަރު ނުވަތަ އެ ވުޒާރާ ހިންގުން ހަވާލުކޮށްފައިވާ މީހަކު އަންގާ ގޮތެއްގެ މަތީން، ދައުލަތުގެ ފައިސާ ހަރަދުކުރެވިދާނެއެވެ.

 

1.04 ވަނަ މާއްދާ - މާލީ ރިކޯޑުތަކުގައި ތަރުތީބު ނަންބަރު ޖެހުމާއި، ބޭނުންކުރުން

(ހ) ހިސާބު ބެލެހެއްޓުމާބެހޭ ފޮތްތަކާއި ހިސާބު ބެލެހެއްޓުމުގައި ގެންގުޅޭ ރަސީދުތަކާއި ހުރިހާ ފޯމުތަކެއްގައި ސީރިއަލް ނަންބަރު ޖަހައިފައި ހުންނަންވާނެއެވެ.

(ށ) މި ގަވާއިދުގައި ނަމޫނާ ދީފައިވާ ފައިސާއާބެހޭ ބިލެއް، ނުވަތަ ރަސީދެއް، ނުވަތަ ފޯމެއް، ނުވަތަ އެހެން ޑޮކިއުމަންޓެއްގެ ޑިޒައިނަކަށް ބަދަލެއްގެނެސްގެން އަލުން ޗާޕުކުރަންވާނީ، އެކައުންޓަންޓް ޖެނެރަލަށް ހުށަހަޅައި، އެ ފަރާތުން އަންގާ ގޮތެއްގެ މަތީންނެވެ.

(ނ) ދައުލަތުގެ އޮފީހެއްގައި، ދައުލަތުގެ މުދަލާއި ފައިސާއާބެހޭ ލިޔެކިޔުމެއް މި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ގޮތަކަށް އިލެކްޓްރޯނިކް ޒަރީއާއިން ބަލަހައްޓާނަމަ، އެކަން ބަލަހައްޓަންވާނީ، އެކައުންޓަންޓް ޖެނެރަލަށް ހުށަހަޅައި، އެ ފަރާތުން އަންގާ ގޮތެއްގެ މަތީންނެވެ.

 

1.05 ވަނަ މާއްދާ - ހިސާބުތަކަށް ބަދަލުގެނައުން

(ހ) ދައުލަތުގެ އޮފީސްތަކުގެ ހިސާބުތައް ބެލެހެއްޓުމުގައި ހިސާބު އަދަދުތަކުގައި ޖެހިފައި ހުންނަ ކުށްތައް އިސްލާހު ކުރަންވާނީ، ޖަރނަލް ވައުޗަރެއް ހަދައިގެންނެވެ. ޖަރނަލް ވައުޗަރުގެ ނަމޫނާ، MG/BC17 މި މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައި ވާނެއެވެ. ޖަރނަލް ވައުޗަރު ހަދަންޖެހޭ އާންމު ހާލަތްތައް ތިރީގައި މިވަނީއެވެ.

  1. ހިސާބު އަދަދުތަކުގައި ޖެހިފައި ހުންނަ ކުށްތައް އިސްލާހުކުރުމަށް؛
  2. ސަސްޕެންސް އެކައުންޓުގައިވާ އެންޓްރީތައް ރަނގަޅު އެކައުންޓަށް ބަދަލުކުރުމަށް؛
  3. ޑިޕޮޒިޓްކުރާ ފައިސާ ރެވެނިއު ކޯޑަށް ބަދަލުކުރުމަށް؛
  4. އެއް ފަންޑުން އަނެއް ފަންޑަށް ފައިސާ ބަދަލުކުރުމަށް؛
  5. ދައުލަތުގެ އެއް އޮފީހަކުން އަނެއް އޮފީހަކަށް ފޯރުކޮށްދޭ ހިދުމަތުގެ އަގު އަދާކުރުމަށް؛
  6. އާމްދަނީގެ އައިޓަމެއްގެ ގޮތުގައި ދައުލަތުގެ އެއް އޮފީހަކުން އަނެއް އޮފީހަކަށް ދައްކަންޖެހޭ ކުލި، ނުވަތަ ޗާޖަސް ނުވަތަ ފީ ބަދަލުކުރުމަށް.

(ށ) ދައުލަތުގެ އޮފީސްތަކުގެ ހިސާބުތައް ލިޔަމުންދާއިރު ޖެހޭ ކުށްތައް ނުވަތަ ހިސާބުތައް ނިންމުމުގެ ކުރިން ފެންނަ ކުށްތައް ޖަރނަލް ވައުޗަރަކާ ނުލައި އިސްލާހުކުރަމުން ގެންދެވިދާނެއެވެ.

(ނ) ދައުލަތުގެ އޮފީސްތަކުގެ މާލީ އަހަރެއްގެ ހިސާބުތައް ނިންމުމުގައި އެކައުންޓުތަކަށް ގެނެވޭ ބަދަލުތައް ނުވަތަ އިސްލާހުތައް ގެންނަންވާނީ، ޖަރނަލް ވައުޗަރަކުންނެވެ. އަދި ޖަރނަލް ވައުޗަރުތައް ބެލެންސް ކުރަންވާނެއެވެ.

(ރ) ޖަރނަލް ވައުޗަރ ސިސްޓަމް ބޭނުންކުރާނެ ގޮތުގެ ގައިޑްލައިނެއް، އެކައުންޓަންޓް ޖެނެރަލް ތައްޔާރުކުރަންވާނެއެވެ. މީގެ ތެރޭގައި ވައުޗަރު ފުރިހަމަކުރުމާއި، ޗެކުކުރުމާއި، ހުއްދަދިނުމާއި، ޕޯސްޓްކުރުން ހިމެނެއެވެ.

 

1.06 ވަނަ މާއްދާ - މެނުއަލް ރިކޯޑުތައް

(ހ) ހިސާބުތަކާބެހޭ ފޮތްތަކުގެ ތެރެއިން ބައިންޑްކުރެވޭ ފޮތްތައް ހުންނަންވާނީ، ބައިންޑްކޮށްފައެވެ. ވަކިވަކި ގަނޑާއި ލެޖަރށީޓާއި ކާޑުފަދަ ތަކެތި ބޭނުންކުރެވޭނީ، އެކައުންޓަންޓް ޖެނެރަލް އަންގާ ގޮތެއްގެ މަތީންނެވެ. މިފަދަ ފޮތްތަކާއި ށީޓު ނުވަތަ ކާޑުފަދަ ތަކެތި ބޭނުންކުރުމުގެ ކުރިން ތަރުތީބު ނަންބަރު ޖަހައިފައި ހުންނަންވާނެއެވެ.

(ށ) ހިސާބުތަކާބެހޭ ފޮތްތަކުގައި ސަފުހާ ނަންބަރު ޖަހައިފައިވާ އެއްވެސް ގަނޑެއް، އެއްވެސް ހާލަތެއްގައި ފޮތުން ވަކިކޮށްގެން ނުވާނެއެވެ. އެފަދަ ފޮތްތަކުގައި ބޭނުންނުކޮށް ހުންނަ ސަފުހާތައް ހަލާކުވެއްޖެނަމަ ނުވަތަ ހަޑިވެއްޖެނަމަ، އެ ސަފުހާތަކުގައި "ކެންސަލް ކުރެވިފައި" މިހެން ލިޔެ، ކަތިހުރަހަށް ދެރޮނގު ދަމަންވާނެއެވެ. އަދި އެގޮތަށް ކެންސަލްކުރި ސަފުހާތައް ވެސް ފޮތުގައި ބަހައްޓައިފައި ހުންނަންވާނެއެވެ.

(ނ) ހިސާބާބެހޭ ފޮތްތަކާއި ހިސާބު ބަލަހައްޓާ ފޯމުތަކާއި މިފަދަ އެހެނިހެން ލިޔެކިޔުންތަކުގައި ކުރެވޭ އެންޓްރީތައް ލިޔެފައި ހުންނަންވާނީ، ދެލި ނުފޭދޭ ގަލަމަކުން، ކަޅުކުލައިގެ ދެލިން ނުވަތަ ނޫކުލައިގެ ދެލިންނެވެ. އަދި ޓައިޕްކޮށްފައި ހުންނަންވާނީ، ކަޅުކުލައިގެ ދެލިން ނުވަތަ ނޫކުލައިގެ ދެލިންނެވެ. ނަމަވެސް ކްރެޑިޓް އައިޓަމްތައް ފާހަގަކުރުމަށް ރަތްދެލި ބޭނުންކުރެވިދާނެއެވެ. ފެހިކުލައިގެ ދެލި ހާއްސަކޮށްފައިވަނީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދާ އޮޑިޓަރުންނަށް އެކަންޏެވެ.

(ރ) ނުބައިކޮށް ލިޔެވިފައި ހުންނަ އެންޓްރީތައް ރީތިކޮށް ކަނޑައި، ރަނގަޅު އެންޓްރީ އޭގެމަތީގައި ސާފުކޮށް އެނގޭނޭހެން ލިޔެ، މާލީ ޒިންމާދާރު ވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ސޮއިކުރަންވާނެއެވެ. އެއްވެސް ހާލެއްގައި އެންޓްރީއެއް ފޮހެ، އަކުރު ފަވައި، ޓިޕެކްސް ނުވަތަ އެފަދަ އެހެން އެއްޗެއް ޖަހައި ހަދައިގެން ނުވާނެއެވެ.

(ބ) ހިސާބު ބަލަހައްޓާ ފޮތްތަކާއި ހިސާބާބެހޭ ލިޔެކިޔުންތަކުގައި، އޮޑިޓްކުރުމަށްފަހު އޮޑިޓަރުން ލިޔެފައި ހުންނަ އޮޑިޓް އެންޓްރީތައް، އެ އޮޑިޓެއް ކުރި ފަރާތަކުން ނޫން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.

(ޅ) މި ގަވާއިދުގެ ބޭނުމަށް، ހިސާބުތައް ބަލަހައްޓާ ފޮތުގެ މާނައިގައި، ލެޖަރ، ޖަރނަލް، ކޭށްބުކް، ހުލާސާ އަދި ދައުލަތުގެ މާލިއްޔަތުގެ ފުރިހަމަ ރިކޯޑު ގަވާއިދުން ބެލެހެއްޓުމަށް ކޮންމެހެން ބޭނުންވާނެކަމަށް އެކައުންޓަންޓް ޖެނެރަލް އަންގާ ރިކޯޑުތައް ހިމެނެއެވެ.

 

1.07 ވަނަ މާއްދާ - އިލެކްޓްރޯނިކް ރިކޯޑުތައް

(ހ) ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ނުކުރާހައި ހިނދަކު، އަތުން ލިޔެގެން ރިކޯޑުތައް ބެލެހެއްޓުމުގެ ބަދަލުގައި އިލެކްޓްރޯނިކް ވަސީލަތް ބޭނުންކޮށްގެން ހިސާބުތައް ލިޔެ ރައްކައުކޮށް ބެލެހެއްޓުމާއި ފޯރުކޮށްދިނުން ނުވަތަ ޕްރިންޓްކޮށްގެން ރިކޯޑުތައް ބެލެހެއްޓުން ބެލެވޭނީ، ގާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުރެވޭ ކަމެއް ކަމުގައެވެ.

(ށ) އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ހިސާބު ބަލަހައްޓަންވާނީ، އެކައުންޓަންޓް ޖެނެރަލް އަންގާ ގޮތެއްގެ މަތީންނެވެ.

 

1.08 ވަނަ މާއްދާ - އިލެކްޓްރޯނިކް ޒަރީއާއިން ހުއްދަދިނުން

ލިޔުމަކުން ސޮއިކޮށްގެން ހުއްދަދިނުމުގެ ބަދަލުގައި، އެކައުންޓަންޓް ޖެނެރަލް ހުއްދަކުރާ އުސޫލުތަކާ އެއްގޮތަށް އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ހުއްދަދެވިދާނެއެވެ.

 

1.09 ވަނަ މާއްދާ - ގަވާއިދުގެ ނަމޫނާ ލިޔުންތައް

މި ގަވާއިދުގައި ހަވާލާދީފައިވާ ނަމޫނާ ލިޔުންތައް، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކުރެވޭނެއެވެ.

 

1.10 ވަނަ މާއްދާ - ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ނުހިމެނޭ ކަމެއް މެދުވެރިވުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދައުލަތުގެ މުދަލާއި ފައިސާއާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުމުގައި، މި ގަވާއިދުގައި ނުހިމެނޭ ކަމެއް ކުރަން ޖެހިއްޖެނަމަ، އެ ކަމެއް ކުރަންޖެހޭ ދައުލަތުގެ އޮފީހަކުން އެ ކަމެއްގެ ތަފުސީލާއި، އެ ކަމެއް ހައްލުކުރަން ފެންނަ ގޮތެއް ބަޔާންކޮށް މިނިސްޓަރަށް ލިޔުމަކުން ހުށަހަޅައި، މި ގަވާއިދާއި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ތައާރުޒުނުވާ ގޮތެއްގެ މަތީން، މިނިސްޓަރު ހުއްދަދޭ ގޮތަކަށް އެ ކަމެއް ކުރާނީއެވެ.

 

ބާބު 2

ދައުލަތުގެ މަސްއޫލު އޮފީސްތަކާއި، ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންގެ މާލީ ޒިންމާއާއި، ބާރާއި، މަސްއޫލިއްޔަތު

 

2.01 ވަނަ މާއްދާ - ދައުލަތުގެ މަސްއޫލު އޮފީސްތަކާއި، މާލީ ހިންގުމާއި، މާލީ ޒިންމާ އުފުލުން ވަކިން އޮންނަ އޮފީސްތައް

(ހ) ދައުލަތުގެ މަސްއޫލު އޮފީހެއްގެ ގޮތުގައި ނުބެލެވޭ ދައުލަތުގެ ކޮންމެ އޮފީހެއްގެ މާލީ ކަންކަމާއި، މާލީ މުއާމަލާތުތައް ހުންނަންވާނީ، އެ އޮފީހަކާ ގުޅޭ ދައުލަތުގެ މަސްއޫލު އޮފީހުގެ ބެލުމުގެ ދަށުގައެވެ. އަދި އެ އޮފީހެއްގެ މާލީ ކަންތައްތަކާއި މާލީ މުއާމަލާތްތަކަށް މަސްއޫލު އޮފީހުން ޒިންމާވާން ޖެހޭނެއެވެ.

(ށ) ދައުލަތުގެ ކޮންމެ މަސްއޫލު އޮފީހެއްގައި، ދައުލަތުގެ މާލިއްޔަތާބެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުމަށް ޓަކައި މާލީ ޒިންމާދާރު ވެރިޔަކު ހުންނަންވާނެއެވެ. އަދި މާލީ ޒިންމާދާރު ވެރިންގެ ރަޖިސްޓަރީއެއް މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އޮފީސްތަކުގެ ރަޖިސްޓަރީއެއް މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.

 

2.02 ވަނަ މާއްދާ - އެކައުންޓަންޓް ޖެނެރަލްގެ މަސްއޫލިއްޔަތުތައް

(ހ) އެކައުންޓަންޓް ޖެނެރަލްގެ މައިގަނޑު މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.

  1. ދައުލަތުގެ ފައިސާއާއި، ހިސާބާއި، ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމު، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ބެލެހެއްޓުމާއި ހިންގުން؛
  2. ދައުލަތުގެ ފައިސާ ބަލައިގަނެވެނީ، ނުވަތަ ރައްކައުތެރިކަމާއެކު ބެލެހެއްޓެނީ، ނުވަތަ ހަރަދުކުރެވެނީ، ނުވަތަ އިންވެސްޓްކުރެވެނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންތޯ ބެލުން؛
  3. ދައުލަތުގެ މުދާ ގަނެވެނީ، ނުވަތަ ރައްކައުތެރިކަމާއެކު ބެލެހެއްޓެނީ، ނުވަތަ ބޭނުންކުރެވެނީ، ނުވަތަ ވިއްކެނީ، ނުވަތަ ނައްތައިލެވެނީ، ނުވަތަ ދޫކޮށްލެވެނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންތޯ ބެލުން؛

(ށ) މި މާއްދާގެ (ހ) ގައިވާ މަސްއޫލިއްޔަތުތަކުގެ އިތުރުން، އަންނަނިވި ކަންކަން، އެކައުންޓަންޓް ޖެނެރަލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

  1. ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި، ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ ހުރިހާ އޮފީސްތަކެއްގެ މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން؛
  2. މާލީ ކޮންމެ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެ އަހަރެއްގެ ދައުލަތުގެ އަހަރީ ހިސާބުތައް، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ތައްޔާރުކޮށްފައި އެ ހިސާބުތައް މިނިސްޓަރަށް ހުށަހެޅުން؛ 
  3. ދައުލަތަށް ލިބޭ އާމްދަނީ ފައިސާގެ ހިސާބުތައް ގަވާއިދުން ބެލެހެއްޓުމާއި، ދައުލަތަށް ލިބެންވާ ފައިސާ ހޯދޭނެ ނިޒާމެއް ގާއިމުކުރުން؛
  4. ދައުލަތަށް ލިބޭ ހުރިހާ ފައިސާއެއް، އެއީ އާމްދަނީގެ ގޮތުގައި ނުވަތަ އެހެން ގޮތަކުން ލިބޭ ފައިސާ ކަމުގައި ވިޔަސް، ދައުލަތުގެ ހިސާބުތަކަށް ވައްދާނެ ނިޒާމެއް ގާއިމުކުރުން؛
  5. ދައުލަތުގެ ފައިސާއާއި، ސްޓޭމްޕާއި، ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާއި، ސެކިއުރިޓީސް، ރައްކައުތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން؛
  6. ދައުލަތުގެ މިލްކުގައިވާ މުދަލާއި، ތަންތަނާއި ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން؛
  7. ދައުލަތުގެ އޮފީސްތަކުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ މަސައްކަތްކުރާ މުވައްޒަފުން ސުޕަވައިޒްކޮށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން. އަދި ފަރުވާކުޑަކުރުމާއި، އޮޅުވައިލުމާއި، ހިޔާނާތް ހުއްޓުވުމަށް ޓަކައި ކުރިން އެންގުމަކާ ނުލައި އިންސްޕެކްޓް ކުރެވޭނެ ނިޒާމެއް ގާއިމުކުރުން؛
  8. ދައުލަތުން ކުރާ ހަރަދުތަކާއި ޑިސްބާސްމަންޓުތައް ސުޕަވައިޒްކުރުމާއި، ހުއްދައަކާ ނުލައި އެއްވެސް ހަރަދެއް ކުރޭތޯ ބެލުމާއި، ނުވަތަ އެ ހަރަދަކާ ގުޅޭ ލިޔެކިޔުންތަކުގައިވާ ގޮތް ނޫން އެހެން ގޮތަކަށް ފައިސާ ހަރަދުކުރޭތޯ ބެލުން؛
  9. ދައުލަތުގެ އޮފީސްތަކުން ކުރާ ހަރަދުތަކަށް ހުއްދަދޭ އޮތޮރައިޒިންގ އޮފިސަރުންނާއި، މާލީ ޒިންމާދާރު ވެރިން ކަނޑައަޅާ މުވައްޒަފުންނަށް ހަރަދުކުރުމަށް ހުއްދަދެވޭނެ އެންމެމަތީ އަދަދު ކަނޑައެޅުމާއި، ޕޭމަންޓް ވައުޗަރުގައި ހުއްދަދޭ ސޮއި (ސްޕެސިމެން ސިގްނޭޗަރ) ރަނގަޅުތޯ ކަށަވަރުކޮށް، އެ ކަންކަމުގެ ރިކޯޑު ބެލެހެއްޓުން.
  10. ބޭކާރު ހަރަދެއް ކުރެވޭކަން، ނުވަތަ ލިބެންޖެހޭ ފައިސާއެއް ލިބުމުގައި އޮޅުވައިލުމެއް ވާކަން، ނުވަތަ އެއްބައިން އަނެއް ބަޔަށް ފައިސާ ބަދަލުނުކޮށް ބަޖެޓުކޯޑުގެ ބާކީއަށްވުރެ އިތުރަށް (ކޯޑު ޑެބިޓްކޮށް) ހަރަދުކުރަމުންދާކަން ފާހަގަކުރެވިއްޖެނަމަ، އެކަން ހުއްޓުވައި، އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ އިތުރަށް، އެކަން މިނިސްޓަރުގެ ސަމާލުކަމަށް ގެނައުން؛
  11. ދައުލަތުން ކުރާ ހަރަދާއި ޑިސްބާސްމަންޓްސް ހިމަނަންވާ ކޯޑަށް ވައްދައި ހިސާބުކުރުން؛
  12. ދައުލަތުގެ ހިސާބުތަކުގައި ފާހަގަކުރެވޭ ބޮޑެތި މައްސަލަތައް (މެޓީރިއަލް އިރެގިއުލަރިޓީތައް ފާހަގަކުރެވިއްޖެ ހިނދެއްގައި، އެ ކަމެއް މިނިސްޓަރުގެ ސަމާލުކަމަށް ގެނައުން؛
  13. ދައުލަތުގެ އޮފީސްތަކުގައި، ހަރަދާއި ލިބޭ ފައިސާގެ ހިސާބުތައް މާލީ ޒިންމާދާރު ވެރިއެއްގެ ބެލުމުގެ ދަށުން ގަވާއިދުން ބަލަހައްޓަމުން ނުގެންދާކަމަށް ފެނިއްޖެ ހިނދެއްގައި، އެކަން މިނިސްޓަރަށް ރިޕޯޓުކުރުން؛
  14. ދައުލަތަށް ލިބެންވާ އާމްދަނީއެއް ލިބުން އެކަށީގެންވާ ވަރަށްވުރެ ލަސްވަމުންދާކަމަށް ފެނިއްޖެ ހިނދެއްގައި އެކަން މިނިސްޓަރަށް ރިޕޯޓުކުރުން؛
  15. ދައުލަތުން ކުރަންނުޖެހޭ ހަރަދެއް ކުރިކަން އެކައުންޓަންޓް ޖެނެރަލަށް ސާބިތުކުރެވިއްޖެނަމަ، އެ ހަރަދެއް ކުރި ފަރާތަކާމެދު މި ގަވާއިދުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅައި، އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުން؛
  16. މަތީގައިވާ މަސްއޫލިއްޔަތުތަކުގެ އިތުރަށް، މިނިސްޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އެކައުންޓަންޓް ޖެނެރަލަށް ލިޔުމުން ހަވާލުކުރާ މަސްއޫލިއްޔަތުތައް.

 

2.03 ވަނަ މާއްދާ - މާލީ ޒިންމާދާރު ވެރިން އައްޔަނުކުރުމާއި ވަކިކުރުން

(ހ) ގާނޫނެއްގައި ނުވަތަ މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ދައުލަތުގެ އޮފީސްތަކުގެ މާލީ ޒިންމާދާރު ވެރިންގެ ގޮތުގައި "ޗީފް އެކައުންޓްސް އެގްޒެކެޓިވް" އައްޔަނު ކުރާނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.

  1. ދައުލަތުގެ އޮފީސްތަކަށް ކަނޑައަޅާ ބަޖެޓުގެ ނިސްބަތަށް ރިއާޔަތްކޮށް މިނިސްޓަރު ކަނޑައަޅާ މިންގަނޑަށް ފެތޭ ދައުލަތުގެ އޮފީސްތަކަށް، ޗީފް އެކައުންޓްސް އެގްޒެކެޓިވް އައްޔަނުކުރުން؛ 
  2. ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ މަގާމަށް މީހުން އައްޔަނުކުރާނީ، މިނިސްޓަރުގެ ލަފާގެ މަތީން، ސިވިލް ސަރވިސް ކޮމިށަނުންނެވެ.
  3. ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ މަގާމު އޮންނާނެ ދައުލަތުގެ މަސްއޫލު އޮފީސްތައް ކަނޑައަޅާނީ މިނިސްޓްރީންނެވެ.

(ށ) ކައުންސިލްތައް ފިޔަވައި އެހެން އިދާރާތަކުގައި މާލީ ޒިންމާދާރު ވެރިން ކަނޑައަޅާނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.

  1. ދައުލަތުގެ މަސްއޫލު އޮފީސްތަކުގެ މާލީ ޒިންމާދާރު ވެރިން އައްޔަނުކުރާނީ، އެ އޮފީހެއްގެ އެންމެ އިސްވެރިޔާގެ ލަފާގެ މަތީން، މިނިސްޓަރެވެ.
  2. ދައުލަތުގެ މުސްތަގިއްލު އޮފީސްތަކުގެ މާލީ ޒިންމާދާރު ވެރީން އައްޔަނުކުރާނީ، އެ އޮފީހެއްގެ އެންމެ އިސްވެރިޔާގެ ލަފާގެ މަތީން، މިނިސްޓަރެވެ.

(ނ) މާލީ ޒިންމާދާރު ވެރީންގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކުގެ ކިބައިގައި ތިރީގައިވާ ށަރުތުތައް ހަމަވާންވާނެއެވެ.

  1. އެއްވެސް އިރެއްގައި، ހިޔާނާތާއި، ވައްކަމާއި، ޓެކުމާއި މި ބާވަތުގެ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛
  2. އެކައުންޓިންގގެ ދާއިރާއިން ނުވަތަ ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން، ނުވަތަ ދައުލަތުގެ ފައިސާއާއި ހިސާބު ބެލެހެއްޓުމުގެ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

(ރ) މި ގަވާއިދުގައިވާ ގޮތުގެ މަތީން މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު އަދާކުރާނެ މީހަކު އައްޔަނުކޮށްފައި ނެތް ހާލަތެއް ދިމާވެއްޖެނަމަ، މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރާނެ ފަރާތެއް ކަނޑައަޅާނީ، އެ ތަނެއްގެ އެންމެ އިސްވެރިޔާގެ މަށްވަރާގެ މަތީން، މިނިސްޓަރެވެ.

(ބ) މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ އެއްވެސް ފަރާތަކުން، ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މަސްއޫލިއްޔަތުން ވަކިކުރުމުގެ އިހްތިޔާރު، މިނިސްޓަރަށް ލިބިގެންވެއެވެ. މިގޮތުން އެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ޗީފް އެކައުންޓްސް އެގްޒެކެޓިވް ނުވަތަ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް ކަމުގައިވާ ހާލަތްތަކުގައި އެ ފަރާތެއް މަގާމުން ވަކިކުރުމަށް އެދި ސިވިލް ސަރވިސް ކޮމިށަނަށް ހުށަހެޅުމުގެ އިހްތިޔާރު، މިނިސްޓަރަށް ލިބިގެންވެއެވެ.

  1. ޖިނާއީ ކުށެއް އެ މީހެއްގެ މައްޗަށް ސާބިތުވުން، ނުވަތަ އެ ފަދަ ކުށެއްގައި ތަހުގީގެއް ފެށި، އެ މީހަކީ މި މަގާމުގެ ޒިންމާ އަދާކުރެވޭނޭ ފަދަ މީހަކު ކަމުގައި މިނިސްޓަރަށް ނުފެނުން؛
  2. ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރެވޭނެކަމަށް މިނިސްޓަރަށް ނުފެނުން؛
  3. މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާނުކުރެވޭ ފަދަ ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވުން؛
  4. ދައުލަތުގެ އޮފީހެއްގެ އިދާރީ އޮނިގަނޑަށް ގެންނަ ބަދަލެއްގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން އޮފީހުގައި އެ މީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތު ބަދަލުވުން؛
  5. އެ މީހަކާ ހަވާލުވެފައިވާ މަސްއޫލިއްޔަތުން ވަކިވާން އެދި އަމިއްލައަށް ހުށަހެޅުން؛
  6. އޮފީހުގައި އެ މީހަކު އަދާކުރާ ވަޒީފާއިން ވަކިވުން.

 

2.04 ވަނަ މާއްދާ - މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތުތައް

(ހ) ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި، މިނިވަން މުއައްސަސާތަކާއި، ކައުންސިލުތަކުގެ މާލިއްޔަތާބެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުމަށް ޓަކައި އެއިން ކޮންމެ އޮފީހެއްގައި މި ގަވާއިދުގެ ދަށުން އައްޔަނުކުރާ މާލީ ޒިންމާދާރު ވެރިޔަކު ހުންނަންވާނެއެވެ. މާލީ ޒިންމާދާރު ވެރިޔާގެ ޒިންމާތައް، ތިރީގައި މިވަނީއެވެ.

  1. އެ ތަނަކަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، އެ ތަނުން ހިނގާނެކަމަށް ލަފާކުރާ ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދު ހިމަނައިގެން، އެ އަހަރަކަށް ލަފާކުރާ ބަޖެޓު އެކުލަވައިލައި، މި ގަވާއިދުގައިވާ ތާރީހަށް މިނިސްޓަރަށް ހުށަހެޅުން؛
  2. ގާނޫނު ނަންބަރު 2013-07 (ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޭށްފްލޯ ޕްލޭން، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން ތައްޔާރުކޮށް ރިޕޯޓުކުރުން؛
  3. މާލީ ކޮންމެ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި (މާރިޗުމަހުގެ 31 ގެ ނިޔަލަށް) އެ އޮފީހެއްގެ އިސްވެރިޔާގެ މަށްވަރާގެ މަތީން، އެ ތަނެއްގެ އަހަރީ ރިޕޯޓު، އޮޑިޓަރ ޖެނެރަލަށް ހުށަހެޅުން.
  4. މާލީ ޒިންމާދާރު ވެރިޔާ ނިސްބަތްވާ އޮފީހާއި، ކޮސްޓް ސެންޓަރާއި، އެ އޮފީހުގެ ޑިޕާޓްމަންޓްތަކުގެ ހަރަދުކުޑަކުރުމާއި ހަރުދަނާކުރުމަށް ޓަކައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމާ ގުޅޭ އިރުށާދުތައް ޑިޕާޓްމަންޓުތަކަށް ދިނުން؛
  5. މާލީ ޒިންމާދާރު ވެރީންގެ ބެލުމުގެ ދަށުގައިވާ ހުރިހާ މުވައްޒަފުންނަކީ، ހިސާބު ބެލެހެއްޓުމަށް އެކަށޭނަ، އަދި އެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މުވައްޒަފުންތޯ ބަލައި، ތަމްރީނު ދިނުމަކީ މާލީ ޒިންމާދާރު ވެރީންގެ މަސްއޫލިއްޔަތަކަށްވާތީ، މިފަދަ ތަމްރީނުތަކާއެކު، ޑިޕާޓްމަންޓުތަކުގެ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ލިޔެފައިވާ އިރުށާދުތައް، ހުރިހާ މުވައްޒަފުންނަށް، ހުރިހާ ވަގުތެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުން؛
  6. މި މާއްދާގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޑިޕާޓްމަންޓުތަކުގެ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ލިޔެފައިވާ އިރުށާދުތައް ހުންނަންވާނީ، މި ގަވާއިދާއި، ސަރުކާރުގެ ސިޔާސަތާއި ހިސާބު ބެލެހެއްޓުމާބެހޭ އާންމު އިރުށާދުތަކާއި، އެކައުންޓަންޓް ޖެނެރަލް ކަނޑައަޅައިފައިވާ ހަމަތަކާއި، އުސޫލުތަކާއި، އެއްވެސް ގާނޫނަކާ ތައާރުޒުނުވާ ގޮތެއްގެ މަތީންކަން ކަށަވަރުކުރުން؛
  7. ޑިޕާޓްމަންޓްތަކުގެ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ލިޔެފައިވާ އިރުށާދުތަކާއި އެއަށް ގެނެވޭ އިސްލާހުތަކުގެ ކޮޕީ، އެކައުންޓަންޓް ޖެނެރަލަށް ހުށަހަޅައި ލަފާ ހޯދުން؛
  8. މި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމަކުން، ހިސާބުތަކާއި މާލީ ރިކޯޑުތަކަށް ބަދަލެއް އަތުވެދާނެކަމަށް ފާހަގަކުރެވިއްޖެނަމަ، އެކައުންޓަންޓް ޖެނެރަލަށް ލިޔުމުން ހުށަހެޅުން؛
  9. މި ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމުގައި ދަތި ކަންތައްތަކެއް މެދުވެރިވެއްޖެނަމަ، އެ ކަންކަން ހައްލުކުރުމަށް އެ ތަނަކަށް ފެންނަ ގޮތުގެ ލަފަޔާއެކު އެކައުންޓަންޓް ޖެނެރަލަށް ލިޔުމުން ހުށަހެޅުން؛
  10. އެކައުންޓްސް އޮފިސަރުން އައްޔަނުކުރެވިފައިނުވާ ތަންތަނުގައި، އެކައުންޓްސް އޮފިސަރުންގެ ޒިންމާގެ ތެރޭގައި ހިމެނޭ ހުރިހާ ކަމެއް ކުރާނީ، އެ އޮފީހެއްގައި އެ ކަމަށް އައްޔަނުކޮށްފައިވާ ފަރާތަކުން ޒިންމާވާގޮތަށްކަން ކަށަވަރުކުރުން؛
  11. ދައުލަތުގެ އޮފީހަކުން ކުރާ ހަރަދުތަކަށް ހުއްދަދޭ އޮތޮރައިޒިންގ އޮފިސަރުން އައްޔަނުކޮށް، އެ މުވައްޒަފުންނަށް ހުއްދަދެވޭނެ އެންމެމަތީ އަދަދު ކަނޑައަޅައި، ޕޭމަންޓް ވައުޗަރުގައި ހުއްދަދޭ ސޮއި (ސްޕެސިމެން ސިގްނޭޗަރ) ކަށަވަރުކުރުމަށް އެކައުންޓަންޓް ޖެނެރަލަށް ހުށަހެޅުން؛
  12. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (11) ވަނަ ނަންބަރުގެ ނިޔަލަށް ހިމެނޭ ކަންތައްތަކުގެ އިތުރުން ވެސް، ދައުލަތުގެ އޮފީހެއްގެ އިސްވެރިޔާ ކުރުމަށް ހަވާލުކުރާ މާލީ ކަންކަން ކުރުން.

(ށ) މާލީ ޒިންމާދާރު ވެރިޔާއަށް، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މި ގަވާއިދުގެ ދަށުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މާލީ ޒިންމާދާރު ވެރިޔާއަށް އަމިއްލައަށް އަދާކުރެވިދާނެއެވެ. ނުވަތަ ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރާ ލިޔުމުން ހަވާލުކޮށްގެން ވެސް ކުރުވިދާނެއެވެ. މިގޮތަށް ހަވާލުކުރުމަކުން، މާލީ ޒިންމާދާރު ވެރިޔާއަށް އޭނާގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ބަރީއައެއް ނުވެވޭނެއެވެ.

 

2.05 ވަނަ މާއްދާ - ކައުންސިލުތަކުގެ މާލީ ކަންތައްތަކުގެ ޒިންމާ

ކައުންސިލުތަކުގެ މާލީ ކަންތައްތައް ބެލެހެއްޓުމުގައި ތިރީގައިމިވާ ކަންތައްތައް ހިނގާ ނުހިނގާގޮތް ބަލައި، އެ ކަންކަން ގަވާއިދުން ހިނގަމުންދޭތޯ ކަށަވަރުކުރުމަކީ ކައުންސިލުގެ ރައީސްގެ ޒިންމާއެކެވެ.

(ހ) ކައުންސިލުގެ މާލީ ރިޕޯޓުތައް ތައްޔާރުކުރުމާއި، ހުށަހަޅަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވުން.

(ށ) ގާނޫނާއި މި ގަވާއިދާ ތައާރުޒުނުވާގޮތަށް، ކައުންސިލުން ނިންމާ ގޮތެއްގެ މަތީން، ކައުންސިލަށް ލިބޭ ފައިސާގެ އެންމެހައި ކަންތައް އިދާރާއިން ހިންގުން.

(ނ) އާމްދަނީއާއި ހަރަދުގެ ހިސާބުތައް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.

(ރ) ކައުންސިލުގެ މުދަލާއި ކައުންސިލުގެ ހަވާލުގައި ހުންނަ މުދާ ހޯދުމާއި، މުދާ ވިއްކުމާއި، މުދާ ދޫކުރުމުގެ އިންތިޒާމު، ގާނޫނާއި މި ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.

 

2.06 ވަނަ މާއްދާ - ކައުންސިލުތަކުގެ މާލީ ޒިންމާދާރު ވެރިން

(ހ) ކައުންސިލުތަކުގެ މާލީ ޒިންމާދާރު ވެރިންނަކީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އައްޔަނުކުރާ ސެކްރެޓަރީ ޖެނެރަލުންނެވެ.

(ށ) ސެކްރެޓަރީ ޖެނެރަލް ނެތް ހާލަތެއްގައި މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު އަދާކުރާނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު ވަގުތީގޮތުން ހަވާލުކުރާ ފަރާތުންނެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތީން އައްޔަނުކުރާ ފަރާތުގެ މަސްއޫލިއްޔަތުތައް، މި ގަވާއިދުގެ 2.04 ވަނަ މާއްދާގައި ބަޔާންކޮށްފައި އެވަނީއެވެ. 

 

2.07 ވަނަ މާއްދާ - މާލީ ކަންކަމާބެހޭ މަގާމު

މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން ދައުލަތުގެ މަސްއޫލު އޮފީސްތަކާއި، އެ އޮފީސްތަކުގެ ދަށުން ހިނގަމުންދާ ތަންތަނުގައި ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރާއި، އެކައުންޓިންގ އޮފިސަރާއި، އޮތޮރައިޒިންގ އޮފިސަރާއި، ޒިންމާދާރު ޕްރޮކިއުމަންޓް އޮފިސަރު ހުންނަންވާނެއެވެ.

 

ބާބު 3

ދައުލަތުގެ އަހަރީ ބަޖެޓު ތައްޔާރުކުރުން

 

3.01 ވަނަ މާއްދާ - ދައުލަތުގެ އަހަރީ ބަޖެޓު

(ހ) މާލީ ކޮންމެ އަހަރެއް ފެށުމުގެ ލަސްވެގެން 2 (ދޭއް) މަސްދުވަހުގެ ކުރިން، ދައުލަތުގެ އަންދާޒާ ބަޖެޓު ތައްޔާރުކޮށްފައި މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން މި ބަޖެޓު ފާސްކުރުމަށްފަހު ކިޔާނީ، "ދައުލަތުގެ އަހަރީ ބަޖެޓު" މިހެންނެވެ.

(ށ) ދައުލަތުގެ އަހަރީ ބަޖެޓުގައި ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑުން ކެޕިޓަލް ހަރަދު ކުރުމުގެ ހުއްދަޔާއި، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ރިކަރަންޓް ހަރަދު ކުރުމުގެ ހުއްދަ ދެވޭނެއެވެ.

(ނ) ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި އެ އޮފީސްތަކުގެ ދަށުގައިވާ ތަންތާނގެ ޓްރަސްޓް އެކައުންޓުތަކުން ކުރާ ހަރަދާއި ލިބޭ އާމްދަނީގެ އަންދާޒާއެއް، ކަނޑައަޅައިފައިވާ ނަމޫނާއަކާ އެއްގޮތަށް ތައްޔާރުކޮށްފައި، މަސްއޫލު އޮފީހުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ.

(ރ) ދައުލަތުގެ ކޮންމެ އޮފީހަކުން، އެ އަހަރަކަށް އަންދާޒާކޮށްފައިވާ އާމްދަނީގެ ހުލާސާއަކާއި، ރިކަރަންޓް ހަރަދުތަކާއި، ކެޕިޓަލް ހަރަދުތަކަށް އަންދާޒާކުރެވޭވަރު، ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ. މީގެ އިތުރުން، ދައުލަތުގެ އޮފީސްތަކުން ކުރުމަށް ހަމަޖެހިފައިވާ ބޮޑެތި ރިކަރަންޓް ހަރަދުތަކާއި، ކެޕިޓަލް ހަރަދުތަކާބެހޭ ތަފުސީލާއި، ލޯނުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ފައިސާއާބެހޭ ތަފުސީލު، ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ.

 

3.02 ވަނަ މާއްދާ - އަންދާޒާ ބަޖެޓު ތައްޔާރުކޮށްފައި ހުށަހެޅުން

(ހ) ދައުލަތުގެ ކޮންމެ އޮފީހަކުން ލަފާކުރާ ބަޖެޓު ތައްޔާރުކުރުމުގައި، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ނުވަތަ އެ އޮފީހެއްގެ ގާނޫނީ ވާޖިބު އަދާކުރުމަށް އެ އޮފީހަކުން ތަންފީޒު ކުރަންޖެހޭ ސިޔާސަތު ކަނޑައެޅުމަށްފަހު ހާސިލުކުރަންޖެހޭ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި ހިންގަންޖެހޭ ހަރަކާތްތައް ކަނޑައަޅަންވާނެއެވެ.

(ށ) އަންދާޒާ ބަޖެޓުގެ ދެލިކޮޕީއާއި ޕަރފޯމަންސް ޓާގެޓުތައް ތައްޔާރުކުރުމުގައި، އެ އޮފީހުގެ ޑިޕާޓްމަންޓްތަކާ ގުޅޭ ހަރަކާތްތަކާ ބެހޭގޮތުން އެ ޑިޕާޓްމަންޓްތަކުގެ ވެރީންނާއި، ޕްރޮޖެކްޓް މެނޭޖަރުން ނުވަތަ ޕްރޮގްރާމުގެ ހަރަކާތްތައް ހިންގާ މުވައްޒަފުންނާ މަށްވަރާކުރަންވާނެއެވެ.

(ނ) މިނިސްޓަރު ކަނޑައަޅާ ފޯމެޓަކަށް، އެ އޮފީހެއްގެ ޓާގެޓަޑް އައުޓްކަމްސް، އައުޓްޕުޓް އަދި ޕަރފޯމަންސް އިންޑިކޭޓަރސްއާބެހޭ މައުލޫމާތު ތައްޔާރުކޮށް، އެ މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ޓަކައި، ކޮންމެ އޮފީހަކަށް ކުރިޔަށް އޮތް އަހަރަށް ބޭނުންވާ ބަޖެޓުގެ އަންދާޒާ، މިނިސްޓަރު ކަނޑައަޅާ ގޮތެއްގެ މަތީން ތައްޔާރުކުރަންވާނެއެވެ.

(ބ) ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑުގައި ހިމެނޭ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމާއި އެހެނިހެން ކެޕިޓަލް ހަރަދުގެ އަންދާޒާގައި ހިމަނަންވާނީ، އެ އައިޓަމެއްގެ އަގު އެ އިރެއްގައި މިނިސްޓަރު ކަނޑައަޅާ އަދަދަކަށްވުރެ ކުޑަނޫން ނުވަތަ އެ އައިޓަމެއްގެ ލަފާކުރެވޭ "ވަރކިންގ ލައިފް" 1 (އެކެއް) އަހަރަށްވުރެ ކުރުނޫން އައިޓަމްތަކެވެ.

(ޅ) ދައުލަތުގެ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑާއި ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑަށް ދައުލަތުގެ ކޮންމެ އޮފީހަކުން ހިއްސާކުރާ މިންވަރުގެ އަންދާޒާއެއް، ކުރިޔަށް އޮތް އަހަރަށާއި، އިތުރު 2 (ދޭއް) އަހަރަށް ތައްޔާރުކުރަންވާނެއެވެ.

(ކ) އަންދާޒާ ބަޖެޓުގެ ދެލިކޮޕީ، އެ އޮފީހެއްގެ އެންމެ އިސްވެރިއަކަށް ހުށަހަޅައި، އެ އޮފީހެއްގެ އެންމެ އިސްވެރިޔާގެ ހުއްދަޔާއެކު، ބަޖެޓު ސަރކިއުލަރގައި ބަޔާންކޮށްފައިވާ ތާރީހަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(އ) ބަޖެޓާ ގުޅޭ މައުލޫމާތު ހޯދުމަށް މިނިސްޓްރީން ދައުލަތުގެ އެއްވެސް އޮފީހެއްގައި އެދިއްޖެނަމަ، އެ މައުލޫމާތު ދިނުމަށް އެދިފައިވާ މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ދޭންވާނެއެވެ. މައުލޫމާތު ހޯދައި ފޮނުވުމަށް އެދިފައިވާ މުއްދަތަކީ އެ މައުލޫމާތު ހޯދައި ފޯރުކޮށްދެވޭނެ މުއްދަތެއް ނޫންނަމަ، ސަބަބު ބަޔާންކޮށް ލިޔުމަކުން އެކަން އަންގަންވާނެއެވެ.

(ވ) ބަޖެޓާބެހޭ ހުރިހާ ލިޔެކިޔުމެއް ކަރުދާހުގައި ލިޔެގެން ނުވަތަ މިނިސްޓަރު ހުއްދަކުރާ އިލެކްޓްރޯނިކް ފޯމެޓަކަށް ރައްކައުކޮށްފައި ހުންނަންވާނެއެވެ.

(މ) އަންދާޒާ ބަޖެޓު ތައްޔާރުކުރަންޖެހޭ ގޮތުގެ މައުލޫމާތު، މިނިސްޓްރީން، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 1 ވަނަ ދުވަހުގެ ކުރިން، ދައުލަތުގެ އޮފީސްތަކަށް ފޮނުވަންވާނެއެވެ. މި މައުލޫމާތުގެ ތެރޭގައި، އަންދާޒާ ބަޖެޓު ތައްޔާރުކުރުމުގައި ބޭނުންކުރަންވީ އެންމެ މަތީ އަދަދު (ބަޖެޓު ސީލިންގ) ހިމަނަންވާނެއެވެ. އަދި ބަޖެޓު ހުށަހަޅަންވީ އެންމެ ފަހުގެ ތާރީހު ބަޔާންކުރަންވާނެއެވެ.

 

3.03 ވަނަ މާއްދާ - ކައުންސިލުތަކުގެ އަންދާޒާ ބަޖެޓު

(ހ) ރަށު ކައުންސިލުތަކުގެ ބަޖެޓު އެކުލަވައިލުމުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ މަށްވަރާކޮށް، ރަށާއި އިދާރީ ދާއިރާގެ ތަރައްގީގެ ޕްލޭނާއި، ފައިނޭންށަލް ޕްލޭނަށް ބަލައިގެން، ރަށު ކައުންސިލާއި، އަތޮޅު ކައުންސިލުން، ކުރިޔަށް އޮތް 3 (ތިނެއް) އަހަރުދުވަހަށް ލަފާކުރާ ބަޖެޓު ތައްޔާރުކުރަންވާނެއެވެ.

(ށ) ސިޓީ ކައުންސިލްތަކުގެ ބަޖެޓު އެކުލަވައިލުމުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ މަށްވަރާކޮށް، ސިޓީއާއި ސިޓީގައި ހިމެނޭ އަވަށްތަކުގެ ތަރައްގީގެ ޕްލޭނާއި ފައިނޭންށަލް ޕްލޭނަށް ބަލައިގެން، ސިޓީ ކައުންސިލްތަކުން، ކުރިޔަށް އޮތް 3 (ތިނެއް) އަހަރުދުވަހަށް ލަފާކުރާ ބަޖެޓު ތައްޔާރުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ މައުލޫމާތު، ބަޖެޓު ހުށަހެޅުމުގައި ހިމަނަންވާނެއެވެ. އަދި ފައިނޭންށަލް ޕްލޭނާއި ބަޖެޓު ތައްޔާރުކުރާނީ، މިނިސްޓްރީން ކަނޑައަޅާ ނަމޫނާއާ އެއްގޮތަށެވެ.

(ރ) އަތޮޅު ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށް ލިބޭނެ އާމްދަނީއާއި ކުރާނެ ހަރަދަށް ބަލައި، ކުރިޔަށް އޮތް އަހަރުގެ ބަޖެޓަށް ސަރުކާރުން ބޭނުންވާ ފައިސާގެ އަދަދު ބަޔާންކޮށް، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލްތަކުގެ ބަޖެޓަށް ސަރުކާރުން ބޭނުންވާ ފައިސާ ހޯދުމަށް، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ކޮންމެ އަހަރެއްގެ އޮގަސްޓުމަހުގެ 31 ވަނަ ދުވަހުގެ ކުރިން ނުވަތަ މިނިސްޓަރު ކަނޑައަޅާ ތާރީހަކަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ބ) ސިޓީ ކައުންސިލުތަކަށް ލިބޭނެ އާމްދަނީއާއި ކުރާނެ ހަރަދަށް ބަލައި، ކުރިޔަށް އޮތް އަހަރު ކައުންސިލުގެ ބަޖެޓަށް ސަރުކާރުން ބޭނުންވާ ފައިސާގެ އަދަދު ބަޔާންކޮށް، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އަވަށު އޮފީސްތަކާއި ސިޓީ ކައުންސިލުގެ ބަޖެޓަށް ސަރުކާރުން ބޭނުންވާ ފައިސާ ހޯދުމަށް، މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، ކޮންމެ އަހަރެއްގެ އޮގަސްޓުމަހުގެ 31 ވަނަ ދުވަހުގެ ކުރިން، ނުވަތަ މިނިސްޓަރު ކަނޑައަޅާ ތާރީހަކަށް، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

3.04 ވަނަ މާއްދާ - ދައުލަތުގެ އާމްދަނީގެ އަންދާޒާތައް ބަޖެޓުގައި ހިމެނުން

(ހ) އާމްދަނީގެ ބައިތައް ބަޖެޓުގައި ހިމެނުމަށް ވަކި ހާއްސަ އިރުށާދެއް މިނިސްޓްރީން ދީފައިވާނަމަ، އެ ކަމެއް ނިސްބަތްވާ ދައުލަތުގެ އޮފީހަކުން އެ ކަމަކަށް ސަމާލުކަން ދޭންވާނެއެވެ.

(ށ) ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް، އެ އޮފީހަކުން ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީ، ދައުލަތުގެ ކޮންމެ އޮފީހަކުން ތައްޔާރުކުރަންވާނެއެވެ. އަދި އެ އޮފީހަކުން ހިންގޭ ހަރަކާތްތަކުން ލިބޭ އެންމެހައި އާމްދަނީ ހިމަނަންވާނެއެވެ. މިގޮތުން ލިބޭ އާމްދަނީގެ ބައެއް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ފިޔަވައި އެހެން އޮފީހަކުން ބަލައިގަނެ ހިސާބުކުރި ކަމުގައި ވިޔަސް، އެ އާމްދަނީއެއް ނިސްބަތްވާ އޮފީހެއްގެ އަންދާޒާ އާމްދަނީގައި އެ އާމްދަނީއެއް ހިމަނަންވާނެއެވެ.

(ނ) އާމްދަނީ އަންދާޒާކުރުމުގައި ލިބޭނެ އަދަދަށްވުރެ އިތުރަށް ނުހިމެނުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ލިބޭ އާމްދަނީ، ނިމުނު އަހަރާ އަޅައިބަލާއިރު އަންނަ އުނިއިތުރު އަންނަންޖެހުނު ގޮތުގެ ތަފުސީލު ބަޖެޓާއެކު ހުށަހަޅަންވާނެއެވެ.

(ރ) ވަކި ގާނޫނެއް ފާސްވެގެން ނުވަތަ ވަކި ކަންތައްތަކެއް ހަމަޖެހިގެން ނޫނީ ލިބުމުގެ ފުރުސަތު ނެތް އާމްދަނީ ލިބޭނެކަމަށް އަންދާޒާ އާމްދަނީގައި ހިމަނާނަމަ، ބަޖެޓު ދިރާސާކުރާ ފަރާތްތަކުގެ ސަމާލުކަމަށް އެ އޮފީހަކުން އެކަން ހުށަހަޅަންވާނެއެވެ. އަދި މިނިސްޓަރު ބޭނުންވާނަމަ، މިކަމަށް ހާއްސަ ރިޕޯޓެއް، އެ އޮފީހަކުން މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

 

3.02 ވަނަ މާއްދާ - އަންދާޒާ ބަޖެޓުގެ ދެލިކޮޕީއަށް ބަދަލު ގެނައުން

(ހ) ދައުލަތުގެ އޮފީސްތަކުން ހުށަހަޅައިފައިވާ އަންދާޒާ ބަޖެޓުގެ ދެލިކޮޕީތައް ދިރާސާކުރުމަށްފަހު، އެ އަންދާޒާތަކަށް ބަދަލެއް ގެންނަންޖެހޭނަމަ، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާއާ މަށްވަރާކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ މަށްވަރާ ބައްދަލުވުންތަކަށްފަހު، ބަޖެޓުގެ އަންދާޒާ ދެލިކޮޕީއަށް ގެނައުމަށް އެއްބަސްވެވުނު ބަދަލުތައް ހިމަނައިގެން، މިނިސްޓަރު ކަނޑައަޅާ މުއްދަތުގެ ތެރޭގައި، އަންދާޒާ ބަޖެޓުގެ އެންމެފަހުގެ ދެލިކޮޕީ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ނ) ދައުލަތުގެ އޮފީސްތަކުން ހުށަހަޅާ އެންމެފަހުގެ ބަޖެޓުގެ އަންދާޒާތަކަށް އިތުރު ބަދަލެއް ނުވަތަ އިސްލާހެއް ގެންނަން މިނިސްޓަރަށް ފެނިއްޖެނަމަ، މިފަދަ ބަދަލެއް ނުވަތަ އިސްލާހެއް ގެނައުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

3.06 ވަނަ މާއްދާ - ދައުލަތުގެ އަހަރީ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން

(ހ) ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑާއި، ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑާއި، ޓްރަސްޓް ފަންޑާއި، އެޑްވާންސް ފަންޑާއި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ އެންމެފަހުގެ ދެލިކޮޕީ ލިބުމުން، ބަޖެޓު އެކުލަވައިލައި، ކުރިޔަށް އޮތް އަހަރުގެ "ދައުލަތުގެ އަހަރީ ބަޖެޓު" ގެ ގޮތުގައި ފާސްކުރުމަށް މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން 2 (ދޭއް) މަސްދުވަހުގެ ކުރިން، ރައްޔިތުންގެ މަޖިލީހަށް، މިނިސްޓަރު ހުށަހަޅަންވާނެއެވެ.

(ށ) ބަޖެޓު ހުށަހަޅާއިރު، އެ ބަޖެޓުގައި، އެ މާލީ އަހަރަށް ހިނގާނެކަމަށް ލަފާކުރާ ހަރަދާއި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، ލިބޭނެކަމަށް ލަފާކުރާ ތަކެތި ނުވަތަ މުދަލުގެ ހިސާބާއި، ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި، ކުރެވުނު ހޭދައާއި، އެ ބަޖެޓުގައި ވަކި ސުރުހީތަކެއްގެ ދަށުން ފާހަގަކޮށް ބަޔާންކުރަންވާނެއެވެ.

(ނ) ދައުލަތުގެ އޮފީސްތަކަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، އެ ތަނަކަށް ހިނގާނެކަމަށް ލަފާކުރާ ރިކަރަންޓް ހަރަދާއި، ކެޕިޓަލް ހަރަދުގެ ހުލާސާއާއި، ދައުލަތުގެ އަހަރީ ބަޖެޓުން ކައުންސިލްތަކަށް ކުރިޔަށް އޮތް އަހަރަށް ދޭންޖެހޭ އަދަދު، ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ. އަދި ދައުލަތުގެ އޮފީސްތަކުން ކުރުމަށް ހުށަހަޅާ ބޮޑެތި ރިކަރަންޓް ހަރަދާއި، ކެޕިޓަލް ހަރަދުތަކުގެ ތަފުސީލު، ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ.

(ރ) ދައުލަތުގެ އަހަރީ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިރު ބަޖެޓު ޑެފިސިޓްވާނަމަ، ދައުލަތުން ޑެފިސިޓް ފައިނޭންސްކުރާނެ ގޮތް ބަޔާންކުރަންވާނެއެވެ.

 

3.07 ވަނަ މާއްދާ - ސަޕްލިމެންޓްރީ ބަޖެޓު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން

(ހ) ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ސަޕްލިމެންޓްރީ ބަޖެޓު ތައްޔާރުކޮށް ހުށަހެޅުމަށް، ބަޖެޓު ބޭނުންވާ އޮފީސްތަކަށް މިނިސްޓަރު އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ހާލަތެއް މެދުވެރިވެގެން ސަޕްލިމެންޓްރީ ބަޖެޓެއް އެކުލަވައިލުމަށް މިނިސްޓަރު އަންގައިފިނަމަ، މި ގަވާއިދުގެ 3.02 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ އޮފީހަކުން ސަޕްލިމެންޓްރީ ބަޖެޓު އެކުލަވައިލައި، މިނިސްޓަރު އަންގާ މުއްދަތެއްގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

(ނ) ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެދި ހުށަހަޅާނަމަ، އެ ބަޖެޓު ތައްޔާރުކުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ތައްޔާރުކޮށް، އެ ފައިސާއެއް ނުވަތަ އެ ބަޖެޓެއް ބޭނުންވާ ދުވަހެއްގެ 1 (އެކެއް) މަސްދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހުށަހަޅަންވާނެއެވެ.

 

3.08 ވަނަ މާއްދާ - އަހަރީ ބަޖެޓު ފާސްވުމުން، ބަޖެޓު ށާއިއުކުރުން

ދައުލަތުގެ އަހަރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްވުމުން، އެ ބަޖެޓުގެ ތަފުސީލާއެކު ށާއިއުކޮށް، ދައުލަތުގެ ކަމާބެހޭ އޮފީސްތަކަށް ފޮނުވުމުގެ އިންތިޒާމު މިނިސްޓަރު ހަމަޖައްސަންވާނެއެވެ.

 

ބާބު 4

ބަޖެޓު ދޫކުރުމާއި، ހަރަދުކުރުމަށް ހުއްދަދިނުން

 

4.01 ވަނަ މާއްދާ - ބަޖެޓު ދޫކުރުން

(ހ) ޕަބްލިކް ބޭންކް އެކައުންޓުގައިވާ ދައުލަތުގެ ފައިސާގެ ތެރެއިން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުގައިވާ ފައިސާ ނުވަތަ ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑުގައިވާ ފައިސާ ހަރަދުކުރެވޭނީ، ތިރީގައިމިވާ ގޮތުގެ މަތީން މިނިސްޓަރު ސޮއިކޮށް، ލިޔުމުން ދޫކުރާ ހުއްދައެއްގެ ދަށުންނެވެ.

  1. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ދޫކުރަންވާނީ، ފާސްކޮށްފައިވާ ބަޖެޓުގައި ހިމެނޭ ހަރަދެއް ކުރުމަށެވެ. 
  2. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ދޫކުރާނީ، ކޮންމެ މާލީ އަހަރެއްގެ ފެށޭއިރުއެވެ. މިގޮތުން ދޫކުރާނީ، އަހަރަކު އެއް ހުއްދައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދައިގެ ދަށުން، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑާއި، ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުން މާލީ އަހަރެއްގެ ތެރޭގައި ކުރެވޭ ޖުމުލަ ހަރަދު، އެ މާލީ އަހަރެއްގެ ބަޖެޓުގައި، އެ ފަންޑުން ހަރަދުކުރުމަށް ފާސްކޮށްފައިވާ ޖުމުލަ ހަރަދަށްވުރެ %5 (ފަހެއް އިންސައްތަ) އިތުރުވެގެން ނުވާނެއެވެ.

(ނ) ފާސްކޮށްފައިވާ ބަޖެޓަކާ ގުޅިގެން ދޫކުރެވިފައިވާ ހުއްދައެއް، އެ ބަޖެޓުގެ މުއްދަތު ހަމަވުމަށްފަހު އެ ހުއްދައިގެ ދަށުން ހަރަދެއް ކުރެވޭނީ، މާލީ އަހަރުގެ ތެރޭގައި ހޯދައިފައިވާ މުދަލަކަށް، ނުވަތަ ހިދުމަތަކަށް ދޭންޖެހޭ ފައިސާގެ ބިލެއް، އެ މާލީ އަހަރެއް ނިމޭފަހުން އަންނަ ސަރުކާރު ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅައި، އެ މިނިސްޓްރީން ހުއްދަކުރާ ގޮތެއްގެ މަތީން ހަރަދުކުރުމަށެވެ.

(ރ) ބަޖެޓުން ފައިސާ ދޫކުރާނީ ނުވަތަ ހަރަދުކުރާނީ، ހަރަދުކުރަން ބޭނުންވާ މިންވަރުގެ މައްޗަށް ބަލައިގެން މިނިސްޓްރީން ނުވަތަ އެ މިނިސްޓްރީން ހުއްދަކުރާ ގޮތެއްގެ މަތީން ހުއްދަދީފައިވާ ފަރާތަކުންނެވެ.

(ބ) މާލީ އަހަރަކަށް ކަނޑައަޅައިފައިވާ ބަޖެޓުގައި ހިމަނައިފައިވާ ހަރަދުތައް ކުރަން ފަށާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ މިނިސްޓަރު ދޫކުރުމުންނެވެ.

 

4.02 ވަނަ މާއްދާ - ފާސްވި ބަޖެޓު ލިބުމުން ދައުލަތުގެ އޮފީސްތަކުން އަމަލުކުރާނެ ގޮތް

(ހ) ފާސްވި ބަޖެޓު ލިބުމުން އެ އޮފީހަކުން ބަޖެޓުކުރި ޕްރޮގްރާމުތަކަށް ލަފާކުރި އަދަދާއި ފާސްވެގެން ލިބުނު ބަޖެޓާ އަޅައިކިޔައި މުރާޖައާ ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް މުރާޖައާކުރުމުގައި އެ މާލީ އަހަރަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މިނިސްޓަރު ދޫކުރި ބަޖެޓަށްވުރެ އިތުރުނުވާ ގޮތަށް އެ ތަނެއްގެ އަހަރީ ޕްރޮގްރާމުތައް، އިސްކަންދޭ ތަރުތީބުން ރާވަންވާނެއެވެ.

(ނ) ފާސްވި ބަޖެޓު ލިބުމުން، ފާސްކުރި ބަޖެޓުގައި އެ އޮފީހަކަށް ލިބޭ އާމްދަނީއާއި، އެ އޮފީހަކުން ކުރާ ހަރަދުގެ ކޭށްފްލޯ ޕްލޭނެއް، މިނިސްޓަރު ކަނޑައަޅާ ފޯމެޓަކަށް ތައްޔާރުކުރަންވާނެއެވެ. އަދި މި ކޭށްފްލޯ ޕްލޭން، ބަޖެޓު ފާސްކުރިތާ 3 (ތިނެއް) ހަފުތާވުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

4.03 ވަނަ މާއްދާ - ބަޖެޓުން ހަރަދުކުރުން

(ހ) ރައްޔިތުންގެ މަޖިލީހުން ހުއްދަ ލިބިގެން މެނުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައިވާ މިންވަރަށްވުރެ އިތުރަށް ހަރަދުކޮށްގެން ނުވާނެއެވެ. އަދި ބަޖެޓުގައި ވަކި ކަމަކަށް ހަރަދެއް ކުރުމަށް ކަނޑައަޅައިފައިވާނަމަ، އެ ހަރަދެއް ކުރަންވާނީ، އެ ކަމަކަށެވެ. ނަމަވެސް، މި ގަވާއިދުގެ 4.01 ގެ (ށ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ކުރާ ހަރަދަކީ ދައުލަތުގެ ބަޖެޓުގައިވާ މިންވަރަށްވުރެ އިތުރަށް ކުރާ ހަރަދެއްކަމުގައެއް ނުބެލެވޭނެއެވެ.

(ށ) އަންނަނިވި ހާލަތްތަކުގައި މެނުވީ އެއްވެސް ފަރާތަކުން ދައުލަތުގެ ފައިސާ ހަރަދުކުރުމަށް ހުއްދަދީގެން ނުވާނެއެވެ.

  1. ހަރަދުކުރުމަށް ބޭނުންވާ މިންވަރަށް، ގާނޫނީ ހަމަތަކުގެ މަތީން ދައުލަތުގެ ފައިސާ ލިބެން ހުރުން؛
  2. ހަރަދުކުރުމަށް ބޭނުންވާ ފައިސާއަކީ މި ގަވާއިދުގައިވާ ގޮތުގެ މަތީން، ހަރަދުކުރުމަށް ހުއްދަކޮށްފައިވާ ފައިސާއަކަށްވުން.

(ނ) އެއްވެސް ހަރަދެއް ކުރަންވާނީ، އެ ހަރަދެއް ކުރުމަށް ހުއްދަދިންކަމަށް، ފައިސާ ހަރަދުކުރުމަށް ހުއްދަ އޮތް ވެރިޔަކު ހުއްދަދީ ސޮއިކުރުމުންނެވެ.

(ރ) ހަރަދުކުރުމަށް ހުއްދަދޭ ވެރިން ކަނޑައަޅާނީ، އެ އޮފީހެއްގެ އިސްވެރިޔާގެ މަށްވަރާގެ މަތީން، މާލީ ޒިންމާދާރު ވެރިޔާއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ހަރަދުކުރުމަށް ހުއްދަދިނުމަށް މާލީ ޒިންމާދާރު ވެރިޔާ ކަނޑައަޅާ މުވައްޒަފުންގެ މައުލޫމާތު މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ޅ) ބަޖެޓުން ކުރަންޖެހޭ ހަރަދުތައް ކުރަންވާނީ، އެ ކަމަށް ބަޖެޓުގައި ކަނޑައެޅިފައި އޮތް އަދަދަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތީން، އެ ހަރަދެއް ކުރަން އެންމެ އެކަށޭނަ ބަޖެޓުކޯޑުންނެވެ.

 

4.04 ވަނަ މާއްދާ - ވޭތުވެދިޔަ އަހަރުގެ ބަޖެޓުން، ހިނގާ އަހަރު ހަރަދުކުރުން

(ހ) ވޭތުވެދިޔަ އަހަރުގެ ތެރޭގައި ހޯދައިފައިވާ މުދަލަކަށް ނުވަތަ ހިދުމަތަކަށް ދައްކަންޖެހޭ ފައިސާއެއް ދެއްކުމަށް، އެ އަހަރެއް ނިމޭފަހުން އަންނަ ސަރުކާރު ބަންދުނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓަރަށް ހުށަހަޅައިފިނަމަ، ނިމުނު މާލީ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ފައިސާއިން ނުވަތަ އެޑްވާންސް ފަންޑުން އެ ފައިސާ ދިނުމަށް މިނިސްޓަރަށް ހުއްދަކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ދައްކަންޖެހޭ ފައިސާގެ ތަފުސީލު، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން ފޮނުވަންވާނެއެވެ.

 

4.05 ވަނަ މާއްދާ - ވަގުތީގޮތުން ބަޖެޓު ބަންދުކުރުން

ބަޖެޓުން ހަރަދުކުރުމުގައި މި ގަވާއިދާ ހިލާފަށް އަމަލުކުރާ ދައުލަތުގެ އޮފީސްތަކުގެ ބަޖެޓު ބަންދުކުރުމުގެ އިހުތިޔާރު، އިތުރު އެންގުމަކާ ނުލައި، މިނިސްޓަރަށް ލިބިގެންވެއެވެ.

 

4.06 ވަނަ މާއްދާ - ބަޖެޓު ހަރަދުގެ ހިސާބުތައް ބެލެހެއްޓުން

(ހ) ބަޖެޓުގައި ހަރަދުތައް ހިމަނައިފައިވާ ގޮތާއި، ބަޖެޓުން ކުރާ ހަރަދުތަކާއި، ބަޖެޓުބާކީ "ބަޖެޓު ހިސާބު" ފޮތުން ނުވަތަ އެކައުންޓަންޓް ޖެނެރަލް ހުއްދަކުރާ އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން، ހަރަދާއި ބާކީ އަބަދުވެސް އެނގެން އޮންނާނެ ގޮތަށް ހިސާބުތައް ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހިސާބުތައް ބެލެހެއްޓުމަށް ޓަކައި ބަޖެޓުން ކުރާ ކޮންމެ ހަރަދެއް އެ ހަރަދެއް ކުރަންޖެހޭ އައިޓަމަށާއި، ކޯޑު ނަންބަރަށާއި، ރިކަރެންޓް ހަރަދެއްނަމަ ރިކަރެންޓް ހަރަދުގެ ޖުމުލައަށް، ކެޕިޓަލް ހަރަދެއްނަމަ ކެޕިޓަލް ހަރަދުގެ ޖުމުލައަށް ވައްދަންވާނެއެވެ. އަދި ކޮންމެ ހަރަދެއް މުޅި ބަޖެޓުގެ ޖުމުލައަށް ވައްދަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބާކީކުރުމުގެ އިތުރުން، ޕްރޮގްރާމް ބަޖެޓުގައި ހިމެނިފައިވާ ކޮންމެ ހަރަކާތަކުން ވަކިވަކިން ބާކީކޮށް ބަލަހައްޓަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ހަރަދުތައް ހިސާބަށް ވެއްދުމުގައި އެ ހަރަދެއް ކުރަންޖެހޭ އައިޓަމުގައި އެ ހަރަދަކާ ގުޅޭގޮތުން އެނގެން ބޭނުންވާ ފުރިހަމަ މައުލޫމާތު (ހުއްދަދިން ތާރީހު، ހުއްދަ ނަންބަރު، ފައިސާ ލިބެންވާ ފަރާތް، ތަކެތީގެ ނުވަތަ ހިދުމަތުގެ ތަފުސީލު، ރޭޓު، އަގު، ބިލު ނަންބަރު، ބިލުގެ ތާރީހު، ޗެކު ނަންބަރު ފަދަ ހަރަދާ ގުޅޭ މައުލޫމާތު) އެނގެން އޮންނަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އައިޓަމް (އެ ހަރަދެއް ކުރަންޖެހޭ އައިޓަމް) ނޫން އެހެން ބައިތަކަށް ހަރަދު ވެއްދުމުގައި، ތާރީހާއި، ޗެކު ނަންބަރާއި، ފައިސާގެ އަދަދާއި، ބާކީ އެނގެން އޮތުމުން ފުދޭނެއެވެ.

(ޅ) ހަރަދުކުރުމަށް ހުއްދަދޭ ފޮތުގައި ނުވަތަ ވައުޗަރުގައި ލިޔާ ހަރަދުތަކަށް ހުއްދަދޭ ވެރިޔަކު ހުއްދަދިނުމުގެ ކުރިން، ހުއްދަދެވޭ ހަރަދުތައް ލިޔުނު މުވައްޒަފު ފިޔަވައި އެހެން މުވައްޒަފަކު އެ ހަރަދުތައް ޗެކުކުރަންވާނެއެވެ. އަދި ލިޔުނު މުވައްޒަފާއި ޗެކުކުރި މުވައްޒަފުގެ މަގާމާއި ނަންޖަހައި ސޮއިކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ހަރަދުތައް ޗެކުކުރުމަކީ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް، ހުއްދަދޭ ފޮތުގައި ނުވަތަ ޕޭމަންޓް ވައުޗަރުގައި ފުރިހަމަޔަށް ލިޔެވިފައިވޭތޯ ބެލުމާއި، އެ ހަރަދެއް ކުރެވެނީ މި ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުމެވެ.

(އ) ބަޖެޓަށް ގެންނަ އުނިއިތުރު، ބަޖެޓުގެ ހިސާބުތަކަށް ވައްދަންވާނެއެވެ.

(ވ) މި މާއްދާގެ (ށ) އާއި، (ނ) އާއި، (ރ) އާއި، (ބ) ގައިވާ ގޮތުގެ މަތީން ބަޖެޓުގެ އައިޓަމުތައް ބަލަހައްޓަންވީ ގޮތާއި، އައިޓަމުތަކުން ކުރާ މުޅި ޖުމުލަ ހަރަދުގެ ހިސާބުގެ އައިޓަމް ބަލަހައްޓަންވީ ގޮތުގެ ނަމޫނާއާއި، ވައުޗަރު ތައްޔާރުކުރަންޖެހޭ ގޮތުގެ ނަމޫނާ MG/BC02އާއި، MG/BC03 އާއި، MG/BC04މި މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާނެއެވެ.

 

4.07 ވަނަ މާއްދާ - ބަޖެޓު ހިސާބު ނިންމައިފައި ފޮނުވުން

(ހ) ދައުލަތުގެ ކޮންމެ އޮފީހަކުން، ކޮންމެ މަހަކު ކުރާ ހަރަދުތަކުގެ ހިސާބު (އެ މަހަކު ހިނގި ހަރަދުގެ ޖުމުލައާއި، އަހަރު ފެށުނީއްސުރެ އެ މަހެއްގެ ނިޔަލަށް ހިނގައިފައިވާ ހަރަދުގެ ޖުމުލަ އެނގޭނޭގޮތަށް) އެކި އައިޓަމުތައް ވަކިވަކިން އެނގޭގޮތަށް ތައްޔާރުކޮށް ނިންމަންވާނެއެވެ.

(ށ) ކޮންމެ މަހެއްގެ ހަރަދާއި ލިބޭ ފައިސާގެ ހިސާބު ނިންމާއިރު، މިނިސްޓްރީގައި ގާއިމުކޮށްފައި އޮންނަ ޕަބްލިކް އެކައުންޓިންގ ސިސްޓަމް (ޕީ.އޭ.އެސް) ގެ ބާކީ ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ނުވަތަ ބޭންކުން ދައްކާ ބާކީއާއި، އޮފީހުގެ ފޮތްތަކުން ނުވަތަ ސިސްޓަމުން ދައްކާ ބާކީއާ ދިމާވާގޮތަށް ހިސާބުތައް ރިކޮންސައިލްކުރަންވާނެއެވެ.

(ނ) އެ މަހެއްގައި ދައްކަންޖެހޭ ފައިސާ، ލިބެންވާ ފަރާތްތަކަށް ލަސްނުކޮށް ދައްކައި ނިންމަންވާނެއެވެ.

(ރ) ބަޖެޓުން ހަރަދުކުރެވުނު ފައިސާގެ ރިޕޯޓު މިނިސްޓްރީއަށް ފޮނުވަންޖެހޭ ގޮތުގެ ނަމޫނާ، MG/BC05 މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައި ވާނެއެވެ.

 

4.08 ވަނަ މާއްދާ - ބަޖެޓުގެ އެއްބައިން އަނެއް ބަޔަށް ބަދަލުކުރުމާއި، ހިފެހެއްޓިފައިވާ ފައިސާ ދޫކުރުން

(ހ) ބަޖެޓުގެ އެއްބައިން އަނެއް ބަޔަށް ބަދަލުކުރުންފަދަ ކަންތައްތައް ހަމަޖައްސާނީ، މިނިސްޓްރީން ނުވަތަ މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށް އެ އޮފީހަކުންނެވެ.

(ށ) މަސްއޫލު އޮފީސްތަކުގެ ދަށުން ހިނގަމުންދާ ތަންތަނުގެ ބަޖެޓަށް ފައިސާ ހޯދުމުގެ މައްސަލަތަކާއި، ފައިސާއާ ބެހޭގޮތުން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ކަންތައްތައް ހުށަހަޅާނީ، އެ އޮފީހަކާ ގުޅޭ މަސްއޫލު އޮފީހެއް މެދުވެރިކޮށެވެ.

(ނ) ދައުލަތުގެ އޮފީސްތަކުގެ ބަޖެޓުގެ އެއްބައިން އަނެއް ބަޔަށް ބަދަލުކުރަން ބޭނުންވެއްޖެނަމަ، އެކަން ހުށަހަޅާނީ، މިނިސްޓްރީއަށެވެ. މިގޮތަށް ހުށަހަޅާއިރު، އެ ބަދަލެއް ގެންނަން ބޭނުންވާ ސަބަބު ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ބަދަލުކުރަން ހުށަހަޅަންވާނީ، ގެންނަ ބަދަލަކާ ގުޅިގެން އުނިކުރާ އައިޓަމުން އެ އަދަދެއް އުނިކުރިނަމަވެސް، ބާކީ އޮންނަ އަދަދުން އަހަރުގެ ކުރިޔަށް އޮންނަ ތާނގައި ދެކޮޅުޖެއްސޭނެ ނަމައެވެ.

(ބ) މި މާއްދާގެ (ނ) އާއި (ރ) ގައި އެހެން އޮތް ނަމަވެސް، މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އަންގައިފައިވާ އުސޫލެއްގެ މަތީން އަދި މިނިސްޓްރީން ހަމަޖައްސައިފައިވާ ގޮތެއްގެ މަތީން، އޮފީސްތަކަށް އެ އޮފީހެއްގެ ބަޖެޓުގެ އެއްބައިން އަނެއް ބަޔަށް ބަދަލުކުރުމުގެ ފުރުސަތު، މިނިސްޓްރީއަށް ދެވިދާނެއެވެ. މި ގޮތަށް ފުރުސަތު ދިނުމުގައި އިންޓާނަލް ކޮންޓްރޯލް ނުގެއްލޭނެ ފަދަ ގޮތަކަށް މި އުސޫލު އެކުލަވައިލުމަށް މިނިސްޓްރީން ސަމާލުކަންދޭންވާނެއެވެ.

(ޅ) ދައުލަތުގެ މުވައްޒަފުންގެ ރަޖިސްޓަރީއަށް ނުވަތަ މުސާރައަށް ބަދަލެއް އައުމުގެ ސަބަބުން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތަކާއި އުނިއިތުރު ގެންނާނީ މިނިސްޓްރީންނެވެ.

(ކ) އުނިކޮށްފައި އޮންނަ ފައިސާއަކުން ކުރަންޖެހޭ ހަރަދުތަކާއި، އެހެން ގާނޫނެއްގެ ދަށުން ނުވަތަ އެހެން ގަވާއިދެއްގެ ދަށުން ހުއްދަ ހޯދައިގެން މެނުވީ ހަރަދު ނުކުރެވޭފަދަ ކަމަކަށް، ހަރަދެއް ކުރަންޖެހޭ ފަދަ ކަމެއް ކުރަންވާނީ، އެ ހަރަދެއް ކުރުމުގެ ހުއްދަ މިނިސްޓްރީން ލިބުމަށްފަހުގައެވެ.

 

4.09 ވަނަ މާއްދާ - މަގާމުތަކުގެ މުސާރަ ބަދަލުކޮށްގެން ހަރަދުކުރުން

އަހަރީ ބަޖެޓުގައި "މުވައްޒަފުންގެ މުސާރަ" އައިޓަމުގައި ހިމެނޭ މަގާމުތަކުގެ މުސާރަ، ކޯޑުތަކުގައި ފައިސާ ހުރި މިންވަރަކުން އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ ނިންމާ ގޮތެއްގެ މަތީން އެއް މަގާމަކަށް ކަނޑައެޅިފައިވާ ފައިސާ އަނެއް މަގާމަކަށް ބަދަލުކޮށްގެން ހަރަދުކުރެވިދާނެއެވެ. މިގޮތަށް އެއް މަގާމުގެ މުސާރައިން އަނެއް މަގާމުގެ މުސާރައަށް ބަދަލުކުރާ ފައިސާއާބެހޭ މައުލޫމާތު، ބަޖެޓު ހިސާބުތަކުން އެނގެން ހުންނަންވާނެއެވެ. އަދި ކޮންމެ މަހެއްގެ ހަރަދު ރިޕޯޓު ތައްޔާރުކުރާއިރު، މުސާރައިގެ ކޯޑުގައި ހިމެނޭ މަގާމުތައް ވަކިވަކިން އެނގޭގޮތަށް މުސާރައިގެ ތަފުސީލު، ރިޕޯޓުގައި ހިމަނަންވާނެއެވެ.

 

4.10 ވަނަ މާއްދާ - ކުއްލި ހާލަތާއި، އެ ހާލަތެއް ދިމާވުމާ ގުޅިގެން ހަރަދުކުރުމަށް ފައިސާ ހޯދުން

(ހ) ގުދުރަތީ ކާރިސާއެއް ނުވަތަ ނުރައްކައުތެރި ބަލިމަޑުކަމެއް ކުރިމަތިވެގެން ނުވަތަ އެނޫން ކަމެއް ދިމާވެގެންނަމަވެސް، ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ޓަކައި ރައީސުލްޖުމުހޫރިއްޔާ ނެރޭ ގަރާރުގައި، އެ ނުރައްކަލަކާ ގުޅިގެން އަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅައި ހިންގުމަށް މާލީގޮތުން ހަރަދެއް ކުރަންޖެހޭނަމަ، އެ ކަމަކާމެދު ފިޔަވަޅު އަޅައި ހިންގުމަށް ޒިންމާވާ އިދާރާއަކުން ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެކަމަށް ހިނގާނެ ހަރަދުގެ އަންދާޒާ ބަޖެޓެއް ތައްޔާރުކުރުމަށްފަހު، މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ބަޖެޓަށް ދޫކުރެވޭ ފައިސާއިން ކުރާ ހަރަދުގެ އިތުރަށް ފައިސާއެއް ހަރަދުކުރަންވާނީ، އެ އިދާރާއަކަށް އެ އަހަރަކަށް ކަނޑައެޅުނު ބަޖެޓުގައި އެފަދަ ހަރަދެއް ކުރުމަށް ފައިސާ ކަނޑައެޅިފައިހުރެ، އެ ފައިސާ ހަރަދުކުރުމުގެ ހުއްދަ މިނިސްޓްރީން ދީފައިވާނަމައެވެ.

(ށ) ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހު، އެ ގަރާރުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމަށާއި ހިންގުމަށް ޒިންމާވާ އިދާރާއަކުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް ބަޖެޓު ހުށަހެޅުމާ ދެމެދު ހަރަދެއް ކުރަންޖެހޭނަމަ، އެ ހަރަދެއް ކުރަންވާނީ، އެ އިދާރާއެއް ހިންގަން ހަވާލުވެހުރި އެންމެ އިސްވެރިއަކު މިނިސްޓަރަށް އަނގަބަހުން ނުވަތަ ފޯނުން އަންގައި، އެ ކަމަކަށް އެ ވަގުތު ހަރަދުކުރުމަށް މިނިސްޓަރު ހުއްދަކުރާ އަދަދަކަށްވުރެ ބޮޑުނުވާ މިންވަރަކަށެވެ. މިގޮތުން ފޯނުން ހުއްދަކުރެވޭ އަދަދު އެގޮތަށް ހުއްދަކުރެވުނުކަމުގެ ލިޔެކިޔުން، ޖެހިގެން އަންނަ، ސަރުކާރު ބަންދުނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި އެ އޮފީހަކުން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ނ) މި ގަވާއިދުގެ 1.03 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ދީފައިވާ ހާލަތެއްގައި އިސްތިސްނާ ދީފައިވާ މިންވަރަށް ފިޔަވައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން ކުރަންޖެހޭ ހަރަދު ވެސް ކުރަންވާނީ، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީންނެވެ.

(ރ) ކުއްލި ނުރައްކަލެއް (ގުދުރަތީ ކާރިސާއެއް، ނުވަތަ ނުރައްކައުތެރި ބަލިމަޑުކަމެއް) ކުރިމަތިވެދާނެކަމަށް ތައްޔާރުވެ ތިބެންޖެހޭ އިދާރާތަކުން، އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ކަމަކަށް ބޭނުންކުރަންޖެހިދާނެ ތަކެތީގެ ސްޓޮކެއް ބަހައްޓައި، ރައްކައުތެރިކަމާއެކު އެ ތަކެތި ބަލަހައްޓަންވާނެއެވެ. އަދި މި ސްޓޮކްގެ އިންވެންޓްރީއެއް ބަލަހައްޓަންވާނެއެވެ. މިގޮތުން ބަހައްޓާ ސްޓޮކްގެ ތެރެއިން ބަހައްޓައިފައިހުރެ ދުވަސްވުމުގެ ސަބަބުންނާއި، ހަލާކުވުމުގެ ސަބަބުންނާއި، މުއްދަތު ހަމަވެގެން ބޭނުންނުކުރެވޭނެތީ ކުރިޔަށް އޮންނަ އަހަރު ބަދަލުކުރަންޖެހޭނެ ތަކެތި ހޯދުމަށް، އެ އިދާރާއަކުން ކުރިޔަށް އޮންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ހިމަނަންވާނެއެވެ. އިސްވެ ބަޔާންކުރި ގޮތުގެ މަތީން ބަދަލުކުރަންޖެހޭ ތަކެތީގެ ތެރެއިން ވިއްކައިލެވޭ ކަހަލަ ތަކެތި ނީލަމުގައި ވިއްކައިލުމަށްފަހު ލިބޭ ފައިސާ ޖަމާކުރާނީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށެވެ.

(ބ) ކުރިޔަށް ލަފާކުރަން އެނގޭ ވައްތަރުގެ ކަންތައްތަކާއި (މިސާލަކަށް: އިމާރާތެއް ބައުވެގެން މަރާމާތުކުރުން ނުވަތަ އިމާރާތެއް އެއްގޮތަކަށްވެސް ބޭނުންނުކުރެވޭވަރުވެގެން އެހެން އިމާރާތެއް ހޯދުމުގެ ކަންތައް ފަދަ ކަންތައްތަކާއި) ފާއިތުވި ދުވަސްތަކުގައި ކަންތައްތައް ހިނގައިފައިވާގޮތަށް ބަލައި، ކުރިން ހިނގައިފައިވާ ހާދިސާއެއް ތަކުރާރުވުމުގެ ފުރުސަތު ބޮޑުކޮށް އޮންނަ ބާވަތުގެ ކަންތައްތަކަށް (މިސާލަކަށް: ރަށްރަށަށް އުދައެރުމާ ގުޅިގެން އެކަމަށް ދައުލަތުން ހަރަދުކުރަންޖެހޭނަމަ، އެފަދަ ކަންކަމަށް، ނުވަތަ ބައެއް ރަށްރަށުން ބޯފެން ހުސްވެގެން އެ ރަށްރަށަށް ދައުލަތުން ބޯފެން ގެންގޮސްދޭންޖެހޭނަމަ އެފަދަ ކަންކަމަށް) ފައިސާ ހަރަދުކުރަން ޖެހިދާނެކަމަށް ގަބޫލުކުރެވޭނަމަ، އެ ކަންކަމަށް ހިނގާނެ ހަރަދު އޮންނަންވާނީ، އެ އޮފީހެއްގެ ބަޖެޓުގައި ހިމަނައިފައެވެ. މިގޮތުން ބަޖެޓުގައި ފައިސާ ނުހިމަނައި އޮވެ، މިފަދަ ކަމަކަށް ފައިސާ ހޯދުމަށް އެދޭ އެދުން އެއީ ކުއްލިއަކަށް ދިމާވި ހާދިސާއަކަށް ހަރަދުކުރުމަށް ފައިސާ ހޯދުމަށް އެދުނު އެދުމެއް ކަމަށް ނުބެލުމުގެ އިހްތިޔާރު، މިނިސްޓަރަށް ލިބިގެންވެއެވެ.

 

ބާބު 5

ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ފައިސާ ބަލައިގަތުމާއި، ފައިސާ ބެލެހެއްޓުން

 

5.01 ވަނަ މާއްދާ - ދައުލަތަށް ލިބޭ ފައިސާ

(ހ) ދައުލަތަށް ލިބޭ ފައިސާއަކީ ގާނޫނަކުން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ހަދާ ގަވާއިދަކުން ދައުލަތުގެ އޮފީސްތަކަށް ލިބޭ ކޮންމެ ފައިސާއަކާއި، ދައުލަތުގެ މިލްކުގައިވާ ބިމެއް ނުވަތަ އިމާރާތެއް ނުވަތަ އެއްޗެއް ކުއްޔަށް ދީގެން ނުވަތަ ވިއްކައިލައިގެން ލިބޭ ކޮންމެ ފައިސާއަކާއި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފައިސާއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުލަތަށް ލިބޭ ފައިސާ، ތިރީގައި މިވަނީއެވެ.

  1. ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ؛
  2. ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާ؛
  3. ދަރަނީގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާ؛
  4. މިނޫނަސް އެކި ގޮތްގޮތުން ދައުލަތަށް ލިބޭ ފައިސާ.

 

5.02 ވަނަ މާއްދާ - ދައުލަތަށް ބަލައިގަނެވޭ ފައިސާ

(ހ) އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު ދައުލަތަށް ފައިސާ ބަލައިގަންނާނީ ދިވެހި ރުފިޔާއިންނެވެ.

(ށ) ބޭނުންނުކުރެވޭވަރަށް ބައުވެ ހަލާކުވެފައިވާ ނޫޓާއި ލާރި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ފިޔަވައި ދައުލަތުގެ އެހެން އޮފީހަކުން ގަބޫލުކޮށްގެން ނުވާނެއެވެ.

(ނ) ފައިސާ ބަލައިގަންނަ މުވައްޒަފުން ނަގުދު ފައިސާގެ އިތުރުން، އެކައުންޓަންޓް ޖެނެރަލް އާންމުކޮށް ސަރކިއުލަރއަކުން ނުވަތަ ވަކި ހާއްސަ ހާލަތްތަކެއް ދިމާވުމުން ކަނޑައަޅާ އުސޫލުތަކެއްގެ މަތީން ބޭންކް ޗެކު، ސަރޓިފައިޑް ބޭންކް ޑްރާފްޓް، ޓްރެވެލަރސް ޗެކު، ކްރެޑިޓްކާޑު، ޑެބިޓްކާޑު، އިލެކްޓްރޯނިކް ބޭންކް ޓްރާންސްފަރ އަދި މިނޫންވެސް މިފަދަ ނެގޯށިއަބަލް އިންސްޓްރޫމަންޓުން ދައްކާ ފައިސާ ބަލައިގަނެވިދާނެއެވެ.

 

5.03 ވަނަ މާއްދާ - ފައިސާ ނަގާށާއި، ފައިސާ ޖަމާކުރުމަށް ދެ މުވައްޒަފުން ފޮނުވުން

(ހ) ދައުލަތުގެ އޮފީސްތަކުން 25,000 (ފަންސަވީސްހާސް) ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ނަގާނަމަ ނުވަތަ ޖަމާކުރާނަމަ، ފައިސާ ނަގަންވާނީ ނުވަތަ ޖަމާކުރަންވާނީ، 2 (ދޭއް) މުވައްޒަފަކު ފޮނުވައިގެންނެވެ. މިގޮތުން ފޮނުވާ 2 (ދޭއް) މުވައްޒަފުންކުރެ އެކަކީ، ފައިސާ ނެގުމުގެ އައިޑެންޓިޓީ ކާޑު އޮތް މީހަކަށް ވާންވާނެއެވެ. ބޭރުފައިސާ ނެގުމުގައި ނުވަތަ ޖަމާކުރުމުގައި އޭގެ އަގު 25,000 (ފަންސަވީސްހާސް) ރުފިޔާ ވާނަމަ އަމަލުކުރާނީ ވެސް ހަމަ މިގޮތުގެ މަތީންނެވެ.

(ށ) ކޮންމެ އޮފީހަކުން ވެސް ޗެކަށް ފައިސާ ނެގުމަށް ފޮނުވާ 2 (ދޭއް) މުވައްޒަފުންގެ އައިޑެންޓިޓީ ކާޑު، މިނިސްޓްރީއަށް ލިޔެގެން ހައްދަންވާނެއެވެ. އެ އޮފީހެއްގެ މަސައްކަތްތައް ހުންނަ ގޮތުން 2 (ދޭއް) މުވައްޒަފުންނަށްވުރެ އިތުރު މުވައްޒަފަކަށް ކާޑު ހަދަން ބޭނުންވާނަމަ، މިނިސްޓްރީއަށް ލިޔެގެން ކާޑު ހައްދާނީއެވެ.

(ނ) ކާޑު ހަދައިފައިވާ މުވައްޒަފަކު ވަޒީފާއިން ވަކިވުމުން ނުވަތަ އެހެން މަގާމަކަށް ބަދަލުވުމުން ނުވަތަ އެހެން ގޮތަކުން ނަމަވެސް ކާޑު ބާތިލުކުރަންޖެހޭ ގޮތެއް މެދުވެރިވެއްޖެނަމަ، އެ މުވައްޒަފެއްގެ އަތުން ވަގުތުން ކާޑު އަތުލައި، ކާޑު ބާތިލުކުރަންޖެހުނު ސަބަބެއް ކާޑުގައި ލިޔެ، ކާޑު ބާތިލުކުރުމަށްފަހު، އެންމެ ލަސްވެގެން ވެސް، ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އެކަން އަންގައި، އެ ކާޑު ފޮނުވަންވާނެއެވެ.

(ރ) ފައިސާ ނަގަންދާ މުވައްޒަފުންނަށް އެ ތަނަކުން ހަދައިދީފައި އޮންނަ އައިޑެންޓިޓީ ކާޑު، ފައިސާ ނަގަންދާ ވަގުތުގައި ނޫނީ އޮންނަންވާނީ، އޮފީހުގެ ތިޖޫރީގައި ނުވަތަ އެފަދަ ރައްކައުތެރި، ތަޅުލެވޭ ތަނެއްގައެވެ.

 

5.04 ވަނަ މާއްދާ - އަތޮޅުތަކާއި ރާއްޖެއިން ބޭރުގައި ހުންނަ ދައުލަތުގެ އޮފީސްތަކަށް ފައިސާ ފޮނުވުމާއި ފައިސާ ގެނައުން

(ހ) އަތޮޅުތަކުގައި ހުންނަ ދައުލަތުގެ ތަންތަނާއި ރާއްޖެއިން ބޭރުގައި ހުންނަ ދައުލަތުގެ އޮފީސްތަކަށް ފައިސާ ފޮނުވުމާއި ގެނައުމުގައި، ބޭންކް މެދުވެރިކޮށް ފައިސާ ފޮނުވެން ހުންނަ ތަންތަނަށް ފައިސާ ފޮނުވަންވާނީ ނުވަތަ ގެންނަންވާނީ، ބޭންކް މެދުވެރިކޮށެވެ. މިނޫން ގޮތަކަށް ފައިސާ ފޮނުވާނީ ނުވަތަ ގެންނާނީ، އެ ރަށެއްގައި ހުންނަ އެ ދާއިރާއަކާ ގުޅޭ ދައުލަތުގެ އޮފީހެއް މެދުވެރިކޮށެވެ.

(ށ) ބޭންކެއްގެ ގޮތްޕެއް ހުޅުވިފައިނުވާ އަތޮޅުތަކުގައި ހުންނަ ދައުލަތުގެ އޮފީސްތަކަށް ފައިސާ ފޮނުވުމުގައި، އެ އޮފީހަކާ ގުޅިފައިވާ ތަނެއްގެ މުވައްޒަފަކާ ހަވާލުކޮށްފައި ފައިސާ ފޮނުވިދާނެއެވެ.

(ނ) އަތޮޅުތަކަށް ފޮނުވާ ފައިސާއާއި، އަތޮޅުތަކުން މާލެއަށް ފޮނުވާ ފައިސާ ފޮނުވަންވާނީ، އެ ފައިސާގެ އަދަދާއި، އެއީ ކޮން ފައިސާއެއްކަން އޮޅުންފިލާނެ ރަސްމީ ލިޔުމަކާ އެކުގައެވެ.

 

5.05 ވަނަ މާއްދާ - ދައުލަތަށް ފައިސާ ލިބޭ ކަންތައްތަކުގެ ދަފުތަރު ބެލެހެއްޓުން

(ހ) ދައުލަތަށް ފައިސާ ލިބޭ ކަންތައްތަކުގެ ތެރެއިން އެ އޮފީހަކަށް ލިބޭ ފައިސާގެ ދަފުތަރެއް ދައުލަތުގެ ކޮންމެ އޮފީހަކުން ވެސް ބަލަހައްޓަންވާނެއެވެ. މި ދަފުތަރުގައި، އެ ފައިސާއެއް ނަގަން ހަމަޖެހުނު ގާނޫނު ނުވަތަ ގަވާއިދު ނުވަތަ އެ ކަމެއް ހަމަޖެހުނު ގޮތުގެ ތަފުސީލާއި ރިފަރެންސް ނަންބަރާއި ތާރީހު އެނގެން އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފުތަރު އޮންނަންވީ ގޮތުގެ ނަމޫނާ، MG/RV01 މި މިނިސްޓްރިގެ ވެބްސައިޓުގައި ށާއިއުކޮށްފައި ވާނެއެވެ.

 

5.06 ވަނަ މާއްދާ - ލިބޭފައިސާ ބަލައިގަތުމާއި، ރަސީދު ދިނުން

(ހ) ދައުލަތުގެ އޮފީހަކަށް ފައިސާ ބަލައިގަންނަނަމަ، ފައިސާ ދެއްކި ފަރާތަށް ރަސީދު ދޭންވާނެއެވެ. މި ރަސީދު، އަތުން ލިޔެފައި ނުވަތަ އިލެކްޓްރޯނިކް މެށިނުން ޕްރިންޓުކޮށްފައި ނުވަތަ ޑިޖިޓަލްކޮށް ދެވިދާނެއެވެ. އަތުން ލިޔެފައި ރަސީދު ދޭނަމަ، ރަސީދު ފޮތްތައް ހުންނަންވާނީ، އޮފީހުގެ ނަމުގައި ޗާޕުކޮށް، ސީރިއަލް ނަންބަރު ޖަހައިފައެވެ. އެ ރަސީދުގައި، ތިރީގައިމިވާ މައުލޫމާތު ހުންނަންވާނެއެވެ.

  1. ފައިސާ ދެއްކި ފަރާތް؛
  2. ފައިސާ ދެއްކީ ކޮން ކަމަކަށްކަން؛
  3. ފައިސާގެ އަދަދާއި ބާވަތް (ވިޔައަކުރުންނާއި ރަސީދު ލިޔެވޭ ބަހަކުން)؛
  4. ފައިސާ ބަލައިގަތީ ޗެކުންނަމަ، ޗެކުގެ ނަންބަރާއި ބޭންކް، ނުވަތަ ފައިސާއިންނަމަ ފައިސާއިންކަން؛
  5. ތާރީހު؛
  6. ފައިސާ ބަލައިގަތް މީހާގެ ނަމާއި ސޮއި؛
  7. ރަސީދު ނަންބަރު؛
  8. އޮފީހުގެ ތައްގަނޑު (މި ތައްގަނޑު އޮންނަންވާނީ، މި މާއްދާގެ (އ) ގައިވާ ގޮތަށް).

(ށ) ބިލުގައި ނުވަތަ އިންވޮއިސްގައި ފައިސާ ލިބުނުކަމަށް ބަޔާންކޮށްފައިވާއިރު، ތިރީގައިމިވާ މައުލޫމާތު ހުންނަންވާނެއެވެ. މިގޮތަށް ބިލުން ނުވަތަ އިންވޮއިސުން ފައިސާ ބަލައިގަތް ކަމުގައި ވިޔަސް، އެ ބިލަކަށް ނުވަތަ އެ އިންވޮއިސަކަށް ރަސީދު ހަދަންވާނެއެވެ.

  1. ފައިސާ ބަލައިގަތް މީހާގެ ނަން ނުވަތަ އެ މީހާގެ ކޯޑު ނަންބަރު؛
  2. ފައިސާ ދެއްކި ތާރީހު؛ 
  3. ބަލައިގަތް ފައިސާގެ އަދަދު؛
  4. ބިލުގައި ނުވަތަ އިންވޮއިސްގައި ފައިސާ ބަލައިގަތް އޮފީހުގެ ތައްގަނޑު ޖަހައި، ފައިސާ ބަލައިގަތުމުގެ ހުއްދަ އޮތް މީހަކު ސޮއިކޮށްފައި އޮތުން؛ 
  5. ފައިސާ ދެއްކި ފަރާތުގެ ނަމާއި އެޑްރެސް.

(ނ) ފޯމުފަދަ ތަކެތި ވިއްކާއިރު، ފޯމުތައް ޗާޕުކޮށް، ހުރިހާ ފޯމެއްގައި ތަރުތީބުން ނަންބަރު ޖެހުމަށްފަހު، ރަސީދު ނުހަދައި އެ ފޯމުތައް ވިއްކިދާނެއެވެ. އަދި ދުވަސް ނިމުމުން، އެ ދުވަހު ވިކުނު ހުރިހާ ފޯމަށް، ކޮންމެ ބާވަތަކުން ލިބުނު ޖުމުލަ ފައިސާގެ އަދަދު އެނގޭނޭގޮތަށް ރަސީދެއް ހަދަންވާނެއެވެ.

(ރ) ސްޓިކަރ، ޓިކެޓްފަދަ ތަކެތި ޗާޕުކޮށް ތަރުތީބުން ނަންބަރު ޖެހުމަށްފަހު ރަސީދު ނުހަދައި ވިއްކިދާނެއެވެ. އަދި ދުވަސް ނިމުމުން، މުޅި ދުވަހަށް ކޮންމެ ބާވަތަކަށް ވަކި ރަސީދެއް ހަދަންވާނެއެވެ.

(ބ) ސްޓޭމްޕް، ޕޯސްޓުކާޑު، އެއިރޯގްރާމް، ތަފާތު ސުވެނިއަރ ރަމްޒީ ފައިސާފޮތި، ދިދަފަދަ ތަކެތި ރަސީދު ނުހަދައި ވިއްކިދާނެއެވެ. އަދި ދުވަސް ނިމުމުން، މުޅި ދުވަހަށް ކޮންމެ ބާވަތަކަށް ވަކި ރަސީދެއް ހަދަންވާނެއެވެ.

(ޅ) އެއްވެސް ހާލަތެއްގައި ރަސީދު ހެދުމަށް އޮންނަ ގޮތް ނޫން ގޮތަކަށް ވަގުތީ ރަސީދެއް ނުވަތަ ނުރަސްމީ ރަސީދެއް ނުވަތަ މިނޫންވެސް އެހެން ގޮތަކަށް ރަސީދު ހަދައި ދޫކޮށްގެން ނުވާނެއެވެ.

(ކ) ފައިސާ ބަލައިގަތުމަށްފަހު ދޫކުރާ ރަސީދުތަކުގެ ކޮޕީ، އެއްވެސް ގެއްލުމެއް ނުލިބޭގޮތަށް، މި ގަވާއިދުގައިވާ ގޮތުގެ މަތީން ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. އަދި ކެންސަލްކުރެވޭ ރަސީދުތަކުގެ އަސްލާއި ކޮޕީ އެއްކޮށް ހީރަސް ޖެހުމަށްފަހު، ކެންސަލްކުރަން ޖެހުނު ސަބަބު ބަޔާންކޮށް، އެ ތަނެއްގެ ވެރިޔަކު ރަސީދުގައި ސޮއިކުރަންވާނެއެވެ. މިފަދަ ރަސީދުތައް ވެސް ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

(އ) ފައިސާ ބަލައިގެންފައި ޖަހާ ތައްގަނޑު އޮންނަންވާނީ، ތިރީގައިމިވާ ނަމޫނާއާ އެއްގޮތަށެވެ.

ނޯޓު: މިނިސްޓްރީގެ ނަން އޮތް ތަނުގައި އޮންނަންވާނީ، އެ އޮފީހެއްގެ ނަމެވެ.

(ވ) ފައިސާ ބަލައިގަންނަ ތައްގަނޑު އޮންނަންވާނީ، ފައިސާ ބަލައިގަތުމަށް ހަމަޖައްސައިފައިވާ މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ތަޅުލެވޭ ތަނެއްގައި ރައްކައުކުރެވިފައެވެ.

 

5.07 ވަނަ މާއްދާ - ލިބޭ ފައިސާ، ޗެކުން ނުވަތަ އިލެކްޓްރޯނިކް ޒަރީއާއިން ބަލައިގަތުން

(ހ) ޗެކުން ނުވަތަ އެކައުންޓު ކްރެޑިޓްކޮށް ނުވަތަ ޑެބިޓްކޮށް ދައްކާ ފައިސާ ނުވަތަ ކްރެޑިޓް ކާޑުން ދައްކާ ފައިސާ ބަލައިގަންނާނީ، ރަސީދު ހަދައިގެންނެވެ. އަދި ގަވާއިދުން ހިސާބުތައް ފޮތުގައި ލިޔެ ބަލަހައްޓަންވާނެއެވެ.

(ށ) ބަލައިގަންނަ ހުރިހާ ޗެކެއް ހުންނަންވާނީ، "ނޮޓް ނެގޯށިއަބަލް – ކްރެޑިޓް ދިވެހި ސަރުކާރު އެކައުންޓް" ނުވަތަ "ނޮޓް ނެގޯށިއަބަލް – ކްރެޑިޓް (އެކައުންޓުގެ ނަން)" މިހެން ލިޔެ ކްރޮސްކުރެވިފައެވެ.

(ނ) ފައިސާ ލިބެންޖެހޭ އަދަދާއި ފައިސާ ލިބުނު އަދަދާ ތަފާތުވިނަމަވެސް ރަސީދު ހަދަންވާނީ ފައިސާ ލިބުނު އަދަދަށެވެ.

(ރ) އެކި ފަރާތްތަކުން ގެންނަ ޕޯސްޓް ޑޭޓަޑް (އަންނަން އޮތް ތާރީހެއް) ގެ ޗެކު ހަވާލުވެ ބަލައިގަނެގެން ނުވާނެއެވެ.

 

5.08 ވަނަ މާއްދާ - އެކައުންޓުގައި ފައިސާ ނެތިގެން އަނބުރާ ލިބޭ ޗެކުގެ ފައިސާ ހޯދުން

(ހ) ޗެކެއް ޑިސްއޮނަރވި (ބޭންކުން ގަބޫލުނުކުރި) ކަމުގެ މައުލޫމާތު ލިބުމާއެކު، އެ ޗެކެއް އަވަހަށް ހޯދައި، އެ ފައިސާއަކާ ބެހޭގޮތުން މި މާއްދާގައި ބަޔާންކޮށްފައިވާ ތިރީގައިމިވާ މައުލޫމާތު ހިމެނޭގޮތަށް ރަޖިސްޓަރީއެއްގައި ލިޔެ ރިކޯޑު ބަލަހައްޓަންވާނެއެވެ. އަދި ތިރީގައިމިވާ ގޮތުގެ މަތީން ފައިސާ ހޯދުމަށް މަސައްކަތްކުރަންވާނެއެވެ.

  1. ޗެކު ތައްޔާރުކުރުމުގައި ހުރި މައްސަލައެއްނަމަ، އެކަން ރަނގަޅުކުރުމަށް، ފައިސާ ދެއްކި ފަރާތަށް ވަގުތުން އެންގުން؛
  2. މައްސަލަ ދިމާވެފައިވާ ޗެކު ރަނގަޅުކޮށް ނުވަތަ އެ ޗެކުގެ ބަދަލުގައި މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ފައިސާ ނުވަތަ ޗެކު ހޯދުމަށްފަހު، އެ ޗެކު ނުވަތަ އެ ފައިސާ އަލުން ޖަމާކުރުން. އަދި މި މައުލޫމާތު ރަޖިސްޓަރީގައި އަދާހަމަކުރުން.

(ށ) ދައުލަތުގެ އޮފީހަކަށް ބަލައިގެންފައިވާ ޗެކެއް، އެ ޗެކު ދޫކޮށްފައިވާ އެކައުންޓުގައި އެ އަދަދަށް ފައިސާ ނެތިގެން ނުވަތަ އެއްވެސް ސަބަބަކާހުރެ ޗެކު އަނބުރާ ލިބިއްޖެނަމަ، އެންމެ ލަސްވެގެން ވެސް، ޖެހިގެން އަންނަ ސަރުކާރު ބަންދު ނޫން ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ ޗެކުގައި އޮތް އަދަދަށް ނަގުދު ފައިސާއިން ނުވަތަ ބޭންކް ގެރެންޓީ ޖަހައިފައިވާ ޗެކަކުން، އަލުން އެ ފައިސާ ދެއްކުމަށް، އެ ޗެކް ދޫކުރި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ނ) ފައިސާ ނުލިބިގެން އަނބުރާ ލިބޭ ޗެކު، އެ ޗެކު ފޮނުވި ފަރާތާ އަނބުރާ ހަވާލުކުރަންވާނީ، އެ ޗެކުން ދެއްކި ފައިސާ އެ އޮފީހަކަށް ލިބުމުންނެވެ.

(ރ) ޗެކު ދޫކުރި އެކައުންޓުގައި ފައިސާ ނެތިގެން ޗެކެއް އަނބުރާ ލިބިއްޖެނަމަ، އެ ޗެކުގައި އޮތް އަދަދުގެ ފައިސާއަކީ ނުލިބޭ ފައިސާއެއްކަމަށް ބަލައި، ފައިސާ ބަލައިގަތް ރަސީދާއި ހިސާބުތަކުން ހަމަޖައްސަންވާނެއެވެ. މި ފައިސާ އަލުން ބަލައިގަންނާނީ، މި ގަވާއިދުގެ 5.06 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރަސީދަކުންނެވެ.

(ބ) އެކައުންޓުގައި ފައިސާ ނެތިގެން ނުވަތަ ފައިސާ ދެއްކި ފަރާތުގެ އިހުމާލެއް އޮވެގެން އަނބުރާ ލިބުނު ޗެކު ބަލައިގަތް ކަމަކީ ވަކި ތާރީހަކަށް ފައިސާ ނުދައްކައިފިނަމަ ޖޫރިމަނާވާ ބާވަތުގެ ކަމެއްކަމަށް ވެފައި، ޗެކު އަނބުރާ ލިބުނުއިރު އެ ތާރީހު ފާއިތުވެފައިވާނަމަ، އެ ޗެކުގައި އޮންނަ އަދަދުގެ ނަގުދުފައިސާ ބަލައިގަންނަންވާނީ ޖޫރިމަނާ ފައިސާއާ އެކުގައެވެ.

(ޅ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ފައިސާ ނުދައްކައިފިނަމަ، ލަސްނުކޮށް ފައިސާ ހޯދުމަށް މަސައްކަތް ކުރަންވާނެއެވެ. އަދި އެ ފައިސާ ދެއްކުމަށް ފުރަތަމަ އެންގި ތާރީހުން ފެށިގެން ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، ފައިސާ ހޯދުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމުގެ ކަންކަން އެ އޮފީހަކުން ލަސްނުކޮށް ކުރިޔަށްގެންދަންވާނެއެވެ.

(ކ) އެކައުންޓުގައި ފައިސާ ނެތި ޗެކު ދޫކުރި ފަރާތުން މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޗެކުގެ ފައިސާ ނުދައްކައިފިނަމަ، އެކައުންޓުގައި ފައިސާ ނެތި ޗެކު ދޫކުރި ފަރާތުގެ މައްސަލަ، ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅަންވާނެއެވެ.

(އ) އެކައުންޓުގައި ފައިސާ ނެތިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ އަނބުރާ ލިބުނު ޗެކެއްގެ ފައިސާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ނުލިބިއްޖެނަމަ، ދެން އެ ފަރާތުގެ ޗެކެއް ބަލައިގަންނަންވާނީ، ތިރީގައިމިވާ މުއްދަތު ހަމަވަންދެން ބޭންކް ގެރެންޓީ ޗެކެއް ގެނައުމުންނެވެ.

  1. ޗެކު އަނބުރާ ލިބުނު ފުރަތަމަފަހަރު 6 (ހައެއް) މަސްދުވަސް ވަންދެން؛
  2. ޗެކު އަނބުރާ ލިބުނު ދެވަނަފަހަރު 12 (ބާރަ) މަސްދުވަސް ވަންދެން؛
  3. ޗެކު އަނބުރާ ލިބުނު 3 (ތިނެއް) ވަނަފަހަރު 24 (ސައުވީސް) މަސްދުވަސް ވަންދެން.

 

5.09 ވަނަ މާއްދާ - ލިބޭ ފައިސާގެ ރިކޯޑު ބެލެހެއްޓުން

(ހ) ދައުލަތުގެ ކޮންމެ އޮފީހަކަށް ލިބޭ ފައިސާ ބަލައިގަތުމަށްފަހު ދުވަހުފޮތުގައި ލިޔެގެން ނުވަތަ އެކައުންޓަންޓް ޖެނެރަލް ހުއްދަކުރާ އިލެކްޓްރޯނިކް ވަސީލަތަކުން ދުވަހުން ދުވަހަށް ތިރީގައިވާ ގޮތުގެ މަތީން ރިކޯޑުކޮށް ލިބޭ ފައިސާގެ ހިސާބުތައް ބަލަހައްޓަންވާނެއެވެ.
 

  1. އެކަކު ނުވަތަ އެކަކަށްވުރެ ގިނަ މުވައްޒަފުން ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަންތަނުގައި ފައިސާ ބަލައިގަންނަ މުވައްޒަފުން، އެ މުވައްޒަފަކު ބަލައިގަންނަ ފައިސާގެ ތަފުސީލު ށީޓެއް ތައްޔާރުކޮށް، ބަލައިގަނެވުނު ފައިސާއާއެކު، އެ ފައިސާ ހަވާލުކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފަކާ ހަވާލުކުރުން؛
  2. އެ ދުވަހަކު ބަލައިގަންނަ ހުރިހާ ފައިސާއެއް ހަވާލުވާ މުވައްޒަފު ނުވަތަ ލިބޭ ފައިސާގެ ދުވަހުފޮތް ނުވަތަ ދުވަހުށީޓް ބެލެހެއްޓުމާ ހަވާލުވެހުރި މުވައްޒަފު، ލިބޭ ފައިސާގެ ދުވަހުފޮތުގައި ނުވަތަ ދުވަހުށީޓުގައި ލިޔެ، ދުވަހުންދުވަހަށް ހިސާބުތައް ނިންމުން.

(ށ) ކޮންމެ ދުވަހަކު ލިބޭ ފައިސާ ދުވަހުފޮތުގައި ނުވަތަ ދުވަހުށީޓުގައި ލިޔާއިރު، އެ ފައިސާއެއް ލިބުނު ކަމަކާއި، ދެއްކި ފަރާތާއި، ދެއްކި އަދަދު އެނގޭނެގޮތަށް ބިލު ނުވަތަ ރަސީދު ނަންބަރާއެކު ލިޔެ، އެ ދުވަހެއްގެ ޖުމުލަ ކުރަންވާނެއެވެ.

(ނ) ލިބޭ ފައިސާގެ ދުވަހުފޮތް ނުވަތަ ދުވަހުށީޓުގެ ނަމޫނާ MG/RV02 މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއު ކުރަންވާނެއެވެ.

 

5.10 ވަނަ މާއްދާ - ބަލައިގަންނަ ފައިސާ ބެލެހެއްޓުން

(ހ) މުވައްޒަފުންގެ ހަވާލުގައި ނުވަތަ އޮފީހުގައި ފައިސާ ބަހައްޓަންވާނީ، މި ގަވާއިދުގެ 12.22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ތަނެއްގައި ނުވަތަ އެއްޗެއްގައެވެ.

(ށ) ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ އެ ފައިސާއެއް ދައްކަންޖެހޭ ފަރާތަކަށް ދައްކައި ނިމެންދެން ހުންނަންވާނީ، އެ ފައިސާއެއް ބަލައިގަތް މީހެއްގެ ޒިންމާގައެވެ.

(ނ) ދައުލަތުގެ އޮފީސްތަކަށް ޗެކުން ބަލައިގަންނަ ފައިސާ ގަވާއިދުން ޖަމާނުކޮށް ލަސްވުމުގެ ސަބަބުން އެ ޗެކަކަށް ފައިސާ ނުލިބިއްޖެނަމަ، އެކަމާ ޒިންމާވާން ޖެހޭނީ، އެ ޗެކެއް ޖަމާކުރުމުގައި އިހުމާލުވި މުވައްޒަފެކެވެ.

(ރ) ދައުލަތުގެ އޮފީސްތަކުގެ ތެރެއިން ތިޖޫރީ ހުންނަ ތަންތާނގައި ދައުލަތުގެ ފައިސާ ބަހައްޓަންވާނީ ތިޖޫރީގައެވެ. ތިޖޫރީ ނެތް ތަނެއްގައިނަމަ ފައިސާ ބަހައްޓާނީ، މި ގަވާއިދުގެ 12.22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ރައްކައުތެރި ތަނެއްގައި ނުވަތަ އެއްޗެއްގައެވެ.

(ބ) ފައިސާ ބަލައިގަތުމަށް ވަކި ތަނެއް ގާއިމުކޮށްފައިވާ އޮފީސްތަކުގައި އެ ތަނަށް އާންމުކޮށް ވަނުމުގެ ހުއްދަ އޮންނަންވާނީ، ހަމައެކަނި ފައިސާ ބަލައިގަންނަ މުވައްޒަފުންނަށެވެ. ފައިސާ ބަލައިގަންނަ ވަގުތުތަކުގައްޔާއި ފައިސާ ބަލައިގަންނަން ތައްޔާރުކުރެވެމުންދާ ވަގުތުތަކުގައްޔާއި ދުވަހުހިސާބު ނިންމާ ވަގުތުތަކުގައި އެ ބައިގެ ދޮރު ހުންނަންވާނީ ތަޅުލާފައެވެ.

(ޅ) ބަލައިގަންނަ ފައިސާ ހުންނަންވާނީ، އެ ފައިސާއެއް ބަލައިގަންނަ މުވައްޒަފެއްގެ ހަވާލުގައި، އެ ފައިސާގެ ރައްކައުތެރިކަމަށް އެ ފަރާތެއް ސީދާ ޒިންމާވާގޮތަށް، ހަމައެކަނި އެ ފަރާތުގެ ހަވާލުގައި ރައްކައުތެރިކަމާއެކު ބެލެހެއްޓޭ ގޮތަކަށެވެ.

(ކ) މަސައްކަތުގެގޮތުން ފައިސާއަށް ޒިންމާވާންޖެހޭ މުވައްޒަފުންނަށް ފައިސާ ރައްކައުތެރިކަމާއެކު ގެންގުޅެވޭނޭފަދަ އެކަށީގެންވާ ރައްކައުތެރި ވަސީލަތްތައް ހަމަޖައްސައިދޭންވާނެއެވެ.

(އ) ފައިސާއަށް ސީދާ ޒިންމާވާންޖެހޭ މުވައްޒަފުންގެ އަތުން ފައިސާ ގެއްލި ނުވަތަ ވައްކަންކުރުންފަދަ ކަމެއް ވިޔަނުދިނުމަށް ޓަކައި އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައި، އަދި ކަމާގުޅޭ އިރުށާދު މުވައްޒަފުންނަށް ދީ، އަދި މި ފިޔަވަޅުތަކަށް އަމަލުކުރަމުންދޭތޯ ބެލުމަށް ޓަކައި އިތުރު އެންގުމަކާ ނުލައި، ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރު ނުވަތަ އޭނާ އައްޔަނުކުރާ މީހަކު ދޭތެރެދޭތެރެއިން ޗެކުކުރަންވާނެއެވެ.

 

5.11 ވަނަ މާއްދާ - ދައުލަތަށް ލިބޭ ފައިސާ ޖަމާކުރަންޖެހޭ އެކައުންޓު

(ހ) ދައުލަތަށް ލިބޭ އެންމެހައި ފައިސާ ބަލައިގަނެ ޖަމާކުރަންވާނީ، ނުވަތަ ބަހައްޓަންވާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ހުޅުވާ އަދި ހިންގާ އެކައުންޓެއްގައެވެ. އެފަދަ އެކައުންޓެއް ވެސް ނެތް ރަށެއްގައި، އެކައުންޓަކަށް ފައިސާ ޖަމާކުރެވެންދެން ފައިސާ ބަހައްޓަންވާނީ، މި ގަވާއިދުގެ 12.22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ރައްކައުތެރި ތަނެއްގައި ނުވަތަ އެއްޗެއްގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 12 ވަނަ މާއްދާއާ އެއްގޮތަށް ޕަބްލިކް ބޭންކް އެކައުންޓުގެ އިތުރުން، އިތުރު އެކައުންޓެއް ނުވަތަ އެކައުންޓުތަކެއްގައި ދައުލަތުގެ ފައިސާ ބަހައްޓަން ޖެހިއްޖެ ހާލަތެއްގައި، އެފަދަ އެކައުންޓެއް ނުވަތަ އެކައުންޓުތަކެއް ހުޅުވައި ބަލަހައްޓަންވާނީ، އެ މާއްދާގެ ދަށުން އެކުލަވައިލާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) މާލޭގައި ހިނގަމުންދާ ދައުލަތުގެ އޮފީސްތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފައިސާ ޖަމާކުރާ ފޯމުގެ ނަމޫނާއެއް، MG/RV03 މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާނެއެވެ.

(ރ) އަތޮޅުތަކުގައި ހިނގަމުންދާ ދައުލަތުގެ އޮފީސްތަކުން، އެ އޮފީހެއްގެ އެކައުންޓް އޮންނަ ބޭންކު މެދުވެރިކޮށް ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފަރކުރާ ފޯމުގެ ނަމޫނާ MG/RV04 މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާނެއެވެ.

 

5.12 ވަނަ މާއްދާ - ފައިސާ ބަލައިގަންނަ ތަންތާނގައި އާންމު އެންގުން ބެހެއްޓުން

އެކިއެކި ކަންކަމަށް ދައްކަންޖެހޭ ފައިސާ ބަލައިގަންނާނެ ވަގުތާއި، މި ގަވާއިދުގެ 5.06 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރަސީދު ދޫކުރެވޭނެ ކަންތައްތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔެ އާންމުކޮށް ފެންނާނޭގޮތަށް އެ ތަނެއްގައި ބަހައްޓައިފައި ހުންނަންވާނެއެވެ.

 

5.13 ވަނަ މާއްދާ - އެއްތަނުން އަނެއް ތަނަށް ފައިސާ ގެންދިޔުމާއި ގެނައުން

(ހ) ނަގުދުފައިސާ އެއްތަނުން އަނެއް ތަނަށް ގެންދިޔުމަކީ ރިސްކު ބޮޑު ކަމަކަށްވާތީ، ފައިސާ ގެންދިޔުމުގެ ބަދަލުގައި އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޓްރާންސްފަރކުރެވޭނެ އިންތިޒާމު ހަމަޖެހެން އޮތްނަމަ ފައިސާ ފޮނުވަންވާނީ، ބޭންކް މެދުވެރިކޮށްގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އަމަލުކުރެވެން ނެތް ހާލަތްތަކުގައި ފައިސާ އެއްތަނުން އަނެއް ތަނަށް ކަނޑުމަގުންނާއި ވައިގެމަގުންނާއި އެއްގަމުމަގުން ގެންދާއިރު ގެންދަންވާނީ، ރައްކައުތެރިކަމާއެކު ބެލެހެއްޓޭނެ އެންމެހައި ފިޔަވަޅުތައް އަޅައިގެންނެވެ.

(ނ) ފައިސާ ގެންދާ ތަނަކަށް ގެންގޮސް ހަވާލުކުރަންޖެހޭ ފަރާތާ ހަވާލުކުރެވެންދެން އެ ފައިސާއާ ހަވާލުވެގެން ހުރި މުވައްޒަފު ނުވަތަ މުވައްޒަފުން އިތުރު އެހެން ކަމަކާ މަށްޣޫލުވެގެން ނުވާނެއެވެ.

(ރ) ބޭންކުން ފައިސާ ނަގަން ދާއިރު، ނުވަތަ ބޭންކަށް ފައިސާ ޖަމާކުރަން ދާއިރު، ބޭންކަށް ދާ މުވައްޒަފާއެކު، އޮފީހުގެ އިތުރު މުވައްޒަފަކު ގެންދަންވާނެއެވެ.

(ބ) ގިނަ އަދަދަކަށް ފައިސާ އެއްތަނުން އަނެއް ތަނަށް ގެންދާއިރު ރައްކައުތެރިކަމާއެކު ފައިސާ ނުގެންދެވޭނެކަމަށް އެ ޒިންމާ އުފުލަންޖެހޭ މުވައްޒަފަކަށް ފެނިއްޖެނަމަ، މާލީ ޒިންމާދާރު ވެރިޔާ ނުވަތަ ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރުގެ ލަފާގެ މަތީން ފުލުހުންގެ ނުވަތަ ސިފައިންގެ މަށްވަރާއާއި އެހީ ހޯދަންވާނެއެވެ.

 

5.14 ވަނަ މާއްދާ - ފައިސާއާ ހަވާލުވެ ހުންނަ މުވައްޒަފަކު ކޮށްގެންނުވާނެ ކަންތައްތައް

(ހ) ދައުލަތުގެ އެއްވެސް ފައިސާއެއް، އެ ފައިސާއެއް ހަވާލުވެހުރި މުވައްޒަފެއްގެ އަމިއްލަ ކަމަކަށް ބޭނުންކޮށްގެން ނުވާނެއެވެ. އަދި އެހެން ފަރާތެއްގެ އަމިއްލަ ބޭނުމަކަށް ދީގެން ވެސް ނުވާނެއެވެ.

(ށ) އެއްވެސް ހާލަތެއްގައި އެއްވެސް ފަރާތެއްގެ ޗެކެއް (އެ މުވައްޒަފެއްގެ އަމިއްލަ ޗެކެއް ކަމުގައި ވިޔަސް) އެ ތަނެއްގައި ހުންނަ ނަގުދުފައިސާއާ ބަދަލުކޮށްގެން ނުވާނެއެވެ.

 

5.15 ވަނަ މާއްދާ - ދައުލަތުގެ އޮފީހެއްގައި މުވައްޒަފުންގެ އަމިއްލަ ފައިސާ ނުބެހެއްޓުން

(ހ) ދައުލަތުގެ އޮފީހެއްގައި ނުވަތަ ސްޓްރޯންގ ރޫމެއްގައި ނުވަތަ ފައިސާ ރައްކައުކުރުމަށް ހަދައިފައިވާ އެހެން ތަނެއްގައި ވެސް، އެއްވެސް ފަރާތެއްގެ އަމިއްލަ ފައިސާއެއް ބަހައްޓައިގެން ނުވާނެއެވެ. އަދި ޗެކެއް ވެސް ބާއްވައިގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަނެއްގައި ބަހައްޓައިފައި ހުންނަ ފައިސާ ވާނީ ދައުލަތުގެ ފައިސާކަމުގައެވެ.

 

5.16 ވަނަ މާއްދާ - ދައުލަތުގެ ހަވާލުގައި ހުންނަ އަމިއްލަ މީސްމީހުންގެ ފައިސާއާއި ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓުން

(ހ) ދައުލަތުގެ އޮފީހެއްގައި އަމިއްލަ މީހެއްގެ ނުވަތަ ބަޔެއްގެ ފައިސާ ނުވަތަ ތަކެތި ބަހައްޓަން ޖެހިއްޖެނަމަ ބަހައްޓަންވާނީ، އެ ތަކެތީގެ ވެރިފަރާތާ ހަވާލުކުރެވެންދެން، އެއްވެސް ގެއްލުމެއް ނުލިބޭ ގޮތަށް ރައްކައުތެރިކަމާއެކުގައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަހައްޓާ ފައިސާއާއި ތަކެތީގެ މައުލޫމާތު އޮޅުންފިލާނެގޮތަށް ލިޔެ ބަލަހައްޓަންވާނެއެވެ. އެ ލިޔުމުގައި، ތަކެތި ބެލެހެއްޓުމަށް ހަވާލުވާ މުވައްޒަފެއްގެ ނަމާއި މަގާމު ލިޔެ ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ނ) ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ބަހައްޓައިފައި ހުރި، އަމިއްލަ މީހެއްގެ އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ކަމުގައި އިހުމާލުވި މުވައްޒަފަކު އެ ކަމުގައި ޒިންމާވާންޖެހޭނެއެވެ.

(ރ) ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުރި އަމިއްލަ ފަރާތެއްގެ ފައިސާއާއި ތަކެތި ހަވާލުކުރަން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން، ނުވަތަ ވަކި ގޮތެއް ކަނޑައަޅައިފައި ނެތްނަމަ، ލަސްނުކޮށް ފައިސާއާއި ތަކެތި، ވެރިފަރާތާ ހަވާލުކޮށް ސޮއިކުރުވަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަހައްޓާ ތަކެތި ބެލެހެއްޓުމުގައި، އެ ތަކެއްޗާ ހަވާލުވާން އެ ތަކެތީގެ ވެރިފަރާތުން އިއުތިރާޒު ކުރާނަމަ، ނުވަތަ އެ ތަކެތީގެ ވެރިފަރާތަކީ ކޮބައިކަން ނޭނގޭނަމަ، ނުވަތަ ބަހައްޓާ ތަކެތި ހަވާލުނުކުރެވި ގިނަދުވަސްވާނަމަ، ނުވަތަ އެ ތަކެއްޗަށް ގެއްލުމެއް ލިބިދާނެކަމަށް ފާހަގަކުރެވިއްޖެނަމަ އެ ތަކެއްޗާމެދު އަމަލުކުރާނީ، މިނިސްޓްރީއަށް އެކަން ހުށަހަޅައިގެން މިނިސްޓްރީން އަންގާ ގޮތެއްގެ މަތީންނެވެ.

 

5.17 ވަނަ މާއްދާ - ގެއްލުން ލިބޭ، މަދުވާ، އިތުރުވާ ދައުލަތުގެ މުދަލާއި ފައިސާ

(ހ) ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންގެ ބެލުމުގެ ދަށުގައި ހުރި ފައިސާއަކަށް ނުވަތަ މުދަލަކަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، ނުވަތަ މަދުވެއްޖެނަމަ، ނުވަތަ އިތުރަށް ފައިސާ ދެއްކިއްޖެނަމަ، ނުވަތަ ފޭރުމެއް ނުވަތަ ވައްކަމެއް ނުވަތަ ހިޔާނާތެއް ނުވަތަ އެނޫންވެސް އާދަޔާ ހިލާފުކަމެއް ހިނގައިފިނަމަ، ނުވަތަ މިފަދަ އެއްވެސް ކަމެއް ހިނގާކަމަށް ނުވަތަ ހިނގައިފިކަމަށް ށައްކުވެއްޖެނަމަ، އެކަމާ ހަވާލުވެހުރި މުވައްޒަފު ނުވަތަ އެ ކަމެއް އެނގުނު މުވައްޒަފަކު، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާއަށް ނުވަތަ އެ އޮފީހެއްގެ އިސްވެރިޔާއަށް ލަސްނުކޮށް އެކަން އަންގަންވާނެއެވެ.

(ށ) ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންގެ އިހުމާލުން ދައުލަތަށް ލިބޭ ގެއްލުންތަކަށް އެ މުވައްޒަފުން ޒިންމާ އުފުލަން ޖެހޭނެއެވެ. މިފަދަ މައްސަލައެއްގައި އެ މުވައްޒަފަކު އިއުތިރާޒުކުރާނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ މައްސަލައެއް ހުށަހަޅަންޖެހޭ ފަރާތަކަށް ހުށަހަޅަންވާނެއެވެ.

(ނ) ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުރި ފައިސާ، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުނުކުރެވި ހުއްޓައި މުވައްޒަފެއްގެ އިހުމާލެއްނެތި ގެއްލިއްޖެނަމަ، ބަދަލުދިނުމުގެ ކަންތައް ހަމަޖައްސާނީ މިނިސްޓްރީއަށް ލިޔެ، އެ މިނިސްޓްރީން އަންގާ ގޮތެއްގެ މަތީންނެވެ.

(ރ) ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުންނަންޖެހޭ ފައިސާ ހުންނަންޖެހޭ ވަރަށްވުރެ އިތުރުވެއްޖެނަމަ، އިތުރުވާ ފައިސާ، އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން ބަހައްޓަންވާނީ، މިނިސްޓްރީން ކަނޑައަޅާ އެކައުންޓަކަށް ޖަމާކޮށްފައެވެ.

(ބ) ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުރި ފައިސާއެއް ނުވަތަ މުދަލެއް މަދުވެއްޖެކަން ނުވަތަ ގެއްލިއްޖެކަން އެނގިއްޖެނަމަ، ލަސްނުކޮށް ވަގުތުން، ދިވެހި ފުލުހުންގެ ހިދުމަތަށް އެކަން އަންގަންވާނެއެވެ. އަދި އެ މައުލޫމާތު، އެންމެ ލަސްވެގެން، ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި، އެ އޮފީހަކުން މިނިސްޓްރީއަށް ލިޔުމުން އަންގަންވާނެއެވެ.

 

5.18 ވަނަ މާއްދާ - ގެއްލުމެއް ކުރިމަތިވެދާނެކަމުގެ ނުވަތަ ގެއްލުމެއް ވަމުންދާކަމުގެ ރިޕޯޓު ލިބުމުން އަމަލުކުރާނެ ގޮތް

(ހ) ދައުލަތުގެ އޮފީހެއްގެ މުދަލާއި ފައިސާއަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ކުރިމަތިވެދާނެކަމުގެ ނުވަތަ ކުރިމަތިވަމުންދާކަމުގެ ރިޕޯޓު އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާއަށް ނުވަތަ އެ އޮފީހެއްގެ އިސްވެރިޔާއަށް ލިބުމާއެކު، އެ ކަމެއް ޔަގީންކުރުމަށް ވަގުތުން ފިޔަވަޅުއަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ގެއްލުމެއްގެ ރިޕޯޓެއް އެ އޮފީހަކަށް ލިބިއްޖެނަމަ، ތިރީގައިމިވާ ކަންތައްތައް މާލީ ޒިންމާދާރު ވެރިޔާ އަމަލު ކުރަންވާނެއެވެ.

  1. މުދަލާއި ފައިސާ ރަނގަޅަށް ޗެކުކުރެވިފައިވޭތޯ ޔަގީންކުރުން؛
  2. މައްސަލަ ތަހުގީގަށް ހުށަހެޅޭވަރަށް އިދާރީގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުން؛
  3. މައްސަލަ އިތުރަށް ތަހުގީގު ކުރަންޖެހޭ ކަމަށް، މާލީ ޒިންމާދާރު ވެރިޔާއާއި އިސްވެރިޔާއަށް ފެނިއްޖެ ހިނދެއްގައި، ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމާއި، ހުށަހެޅުމަށްފަހު އެކަން މިނިސްޓްރީއަށް އެންގުން؛
  4. މުދަލަށް ނުވަތަ ފައިސާއަށް ގެއްލުން ލިބިފައިވަނީ މުވައްޒަފެއްގެ އިހުމާލުން ނުވަތަ މުވައްޒަފަކު ގަސްތުގައި ކުރި ކަމަކުންކަމަށް ތުހުމަތުކުރެވޭނަމަ، އެ މުވައްޒަފަކު ގަވާއިދާ އެއްގޮތަށް އެ މަސައްކަތުން އެކަހެރިކުރުން.
  5. މައްސަލަ ދިމާވުމުން ހުލާސާ އިންޓަރިމް ރިޕޯޓެއް ތައްޔާރުކުރުން. އަދި ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ތަފުސީލު ރިޕޯޓެއް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހެޅުން. (މި ރިޕޯޓު ފޮނުވާނީ "ސިއްރު އަވަސް" ރިޕޯޓެއްގެ ގޮތުގައެވެ.)
  6. މި މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައިވާ ރިޕޯޓަށް ބަލާއިރު، އެއްވެސް މުވައްޒަފަކު ޒިންމާވާންޖެހޭކަމަށް ހެއްކާއި ގަރީނާ ހުރިކަމަށް މާލީ ޒިންމާދާރު ވެރިޔާއަށް ފެންނަނަމަ، އެ އޮފީހުގެ އިސްވެރިޔާގެ މަށްވަރާގެ މަތީން އެ މުވައްޒަފަކާމެދު ގަވާއިދުން ފިޔަވަޅުއެޅުން.

(ނ) މި މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައިވާ ތަފުސީލު ރިޕޯޓުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ގެއްލުން ލިބުނު އޮފީސް ނުވަތަ ތަނުގެ އެޑްރެސް؛
  2. ގެއްލުން ލިބުނު ތާރީހާއި ގަޑި؛
  3. ލިބިފައިވާ ގެއްލުމުގެ ބާވަތާއި، ލިބުނު ގެއްލުމުގެ ޖުމުލަ އަގާއި، އެ ގެއްލުމެއްގެ ބަދަލު ހޯދިފައިވާނަމަ އެކަން؛
  4. ގެއްލުން ލިބުނު މުދަލާ ނުވަތަ ފައިސާއާ ހަވާލުވެހުރި މުވައްޒަފެއްގެ ނަމާއި، މަގާމާއި، މަސްއޫލިއްޔަތު އަދާކުރުމުގައި ވީ މުއްދަތާއި، އެ މުވައްޒަފުގެ ބެލުމުގެދަށުން މީގެ ކުރިން މިފަދަ ގެއްލުމެއް ވެފައިވޭތޯ ނުވަތަ ކުރިން އަދާކުރި ވަޒީފާއެއްގައި ހުރިއިރު މި ބާވަތުގެ ކަމެއް ހިނގައިފައިވާނަމަ، އެކަމުގެ ތަފުސީލު؛
  5. ގެއްލުން ލިބެން ދިމާވި ހާލަތްތަކާއި، އެ ހާލަތްތައް ހޯދުނު މިންވަރު؛
  6. ގެއްލުން ލިބިފައިވާ ތަނުގައި ރައްކައުތެރިކަމާއި ސަލާމަތީ ފިޔަވަޅު އެޅިފައިވާނަމަ، އެކަމުގެ ތަފުސީލާއި، މިފަދަ ފިޔަވަޅުތައް ރަނގަޅު އުސޫލެއްގެ މަތީން އެޅިފައި ނެތްނަމަ، އެކަން ރަނގަޅުކުރުމަށް ފެންނަ ގޮތް؛
  7. ކުރިން އެންގުމަކާ ނުލައި މުދަލާއި ފައިސާ ބަލައި ޗެކުކުރުމަށް ރޭވިފައިވާ ގޮތުގެ ތަފުސީލާއި، އެންމެފަހުން ޗެކުކޮށްފައިވާ ތާރީހު؛
  8. ބޭންކަށް ފައިސާ ޖަމާކުރުމަށް ކަނޑައަޅައިފައިވާ ދުވަހާއި ވަގުތުތަކާއި، ގަވާއިދުން ޖަމާކުރޭތޯއާއި، އެންމެފަހުން ފައިސާ ޖަމާކުރެވިފައިވާ ތާރީހާއި ވަގުތު؛
  9. ގެއްލުނު މުދާ ނުވަތަ ފައިސާއާ ހަވާލުވެހުރި މުވައްޒަފު ފިޔަވައި އެހެން ފަރާތެއް ބައިވެރިވެފައިވާނަމަ، އެކަމުގެ ތަފުސީލު؛
  10. ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓު ފޮނުވުމަށްފަހު، އެ އޮފީހުން އެއްވެސް ފިޔަވަޅެއް އަޅައިފައިވާނަމަ އެކަން. ހާއްސަކޮށް، އެކަމުގެ މަސްއޫލިއްޔަތު އަދާކުރާ މުވައްޒަފެއްގެ ނުވަތަ އެހެން ފަރާތެއްގެ މައްޗަށް ދައުވާކޮށްފައިވާނަމަ އެކަން، ނުވަތަ އެ މުވައްޒަފަކާމެދު އަޅައިފައިވާ ފިޔަވަޅު؛
  11. މިފަދަ ގެއްލުން ތަކުރާރުވިޔަ ނުދިނުމަށް ޓަކައި، ފިޔަވަޅު އެޅުމަށް އެ އޮފީހަކަށް ފެންނަ ގޮތް؛
  12. މައްސަލަ އިތުރަށް ތަހުގީގުކުރަން ފެންނަނަމަ، ސަބަބާއެކު އެކަން.

(ރ) މި މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައިވާ ރިޕޯޓު ލިބުމާއެކު، އެ ރިޕޯޓަށް ރިއާޔަތްކޮށް، ތިރީގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ފިނޭންސުން އެ އޮފީހަކަށް އަންގަންވާނެއެވެ.

  1. މިކަމަށް އެއްވެސް ފިޔަވަޅެއް އަޅަން ފެންނަނަމަ، ފިޔަވަޅު އެޅުމަށް، ރިޕޯޓު ހުށަހެޅި ފަރާތަށް އެންގުން. އަދި ބޭނުންވެއްޖެ ހިނދެއްގައި ގެއްލުމުގެ ބަދަލު ހޯދުމަށް ޓަކައި އެޑްވާންސް އެކައުންޓެއް ހުޅުވުމަށް ހުއްދަދީ، އެ ގެއްލުމެއް އަނބުރާ ދައްކާނެ އުސޫލެއް ކަނޑައެޅުން؛
  2. ލިބިފައިވާ ގެއްލުމަށް ބެލިއިރު ހިސާބުކުރުމުގެ އުސޫލުތަކުގައި ހިމެނޭ އުނިކަމެއް ފާހަގަކުރެވިފައިވާނަމަ، އެ ކަމެއް އިސްލާހުކުރުމަށް ފެންނަ ގޮތް؛
  3. ބޭނުންވެއްޖެކަމަށް ފެންނަ ހާލަތެއްގައި، ތަހުގީގު ކޮމެޓީއެއް އައްޔަނުކުރުން؛
  4. ގެއްލުންތައް ބަލައި ހިސާބުކުރުމަށާއި ތަހުގީގުކުރުމަށް އިންޓަރނަލް އޮޑިޓް ކުރާ ފަރާތަކަށް އެންގުން.

 

5.19 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކަށް ލިބޭފައިސާ ޖަމާކުރުން

(ހ) ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ ޖަމާކުރެވޭހައި ވަގުތު އޮއްވައި ލިބިއްޖެނަމަ، އެ ފައިސާއެއް ލިބޭ ދުވަހު، އެ ފައިސާއެއް ޖަމާކުރަންޖެހޭ އެކައުންޓަކަށް ޖަމާކުރަންވާނެއެވެ.

(ށ) އެކި ކަންކަމަށް ލިބޭ ފައިސާ ލިބުނުވަރު ވަކިވަކިން އެނގޭގޮތަށް ހިސާބު ބަލަހައްޓަންވާނެއެވެ.

(ނ) ކޮންމެ ދުވަހަކު ފައިސާ ޖަމާކުރުމަކީ ދަތިކަމަކަށް ވެފައި، އަދި ޖަމާނުކޮށް ބެހެއްޓޭ ފައިސާ އެކަށީގެންވާ ރައްކައުތެރިގޮތެއްގައި ބެހެއްޓޭނަމަ، ދުވާލަކު އެއްފަހަރު ފައިސާ ޖަމާނުކޮށް ބެހެއްޓޭނީ، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާގެ ހުއްދަ ލިބިގެންނެވެ.

(ރ) ލިބޭ ފައިސާ ޖަމާކުރާއިރު، ލިބުނު ފައިސާގެ ގޮތުގައި ކޭށްފޮތުގައި ރިކޯޑުކޮށްފައިވާ ފައިސާގެ އަދަދުތައް އެއްކޮށް، ލިބުނު ފައިސާގެ ޖުމުލައާއި އަތުގައި ހުރި ފައިސާގެ ޖުމުލަ ދިމާކުރަންވާނެއެވެ. މިގޮތުން ހިސާބު ދިމާކުރިގޮތް ލިޔުމުން ފެންނަން އޮންނަންވާނެއެވެ.

(ބ) ކޮންމެ މުވައްޒަފެއްގެ އަތުގައި ހުރި ފައިސާއާއި ކޭށްފޮތުގެ ބާކީއާ ދިމާވޭތޯ ބަލައި، ލިބުނު އަދަދު ހަމަޔަށް ބޭންކަށް ޖަމާކުރަންވާނެއެވެ.

(ޅ) ފައިސާ ބަލައިގަނެ، ރަސީދު ހަދައި، ކޭށްފޮތަށް އަރުވައި، ބޭންކަށް ޖަމާކުރަން ޖެހިފައިވާ އެއްވެސް ފައިސާއެއް ތިޖޫރީގައި ނުވަތަ ފައިސާ ރައްކައުކޮށްފައި ބެހެއްޓުމަށް ހާއްސަކޮށްފައިވާ ތަނެއްގައި ނޫނީ ބަހައްޓައިގެން ނުވާނެއެވެ.

(ކ) ބޭންކަށް ޖަމާކުރެވޭ ހުރިހާ ފައިސާއެއް ބޭންކުން ބަލައިގަތްކަމުގެ ބޭންކް ތައްގަނޑު ޖަހައިފައިވާ ޑިޕޮޒިޓް ސްލިޕެއް ނުވަތަ ލިޔުމެއް ހޯދަންވާނެއެވެ. އަދި ޖަމާކުރެވުނު ތަރުތީބުން މި ލިޔުން ފައިލުކުރަންވާނެއެވެ.

(އ) ފައިސާ ބަލައިގަންނަ މުވައްޒަފެއްގެ ގޮތުގައި ނުވަތަ ކަލެކްޓަރެއްގެ ގޮތުގައި ވަޒީފާގެ މަސްއޫލިއްޔަތު ހަމަޖެހިފައި ނެތް މުވައްޒަފަކު ފައިސާ ބަލައިގަތް ނަމަވެސް، އެ މުވައްޒަފަކު ބަލައިގަތް ފައިސާއަކަށް، ފައިސާ ބަލައިގަތް މުވައްޒަފެއްގެ ގޮތުގައި ނަގަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތު އެ މުވައްޒަފަކު އުފުލަންޖެހޭނެއެވެ.
 

5.20 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާގެ ތެރެއިން ބޭންކަށް ޖަމާކުރާ ފައިސާގެ ބޭންކް ބާކީ ބެލެހެއްޓުން

(ހ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ނުވަތަ އެހެންވެސް ބޭންކަކަށް ފައިސާ ޖަމާކޮށްފިނަމަ، އެ ފައިސާ ޖަމާކުރި އޮފީހަކުން އެ ފައިސާގެ ހިސާބު ބަލަހައްޓައި، އެކައުންޓު ބާކީ ފޮތުގައި ލިޔެގެން ނުވަތަ ކޮމްޕިއުޓަރ ށީޓުގައި ހިސާބުތައް ހިމަނައިގެން، އެ ހިސާބުތައް މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ ނަންބަރު MG/RV05 ފޯމުގައިވާ ގޮތުގެ މަތީން ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ށ) ކޮންމެ މަހެއް ނިމުމުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކައުންޓުން ދައްކާ ބާކީއާއި އޮފީހުގެ ހިސާބުތަކުން ދައްކާ ބާކީއަކީ ރަނގަޅު ހިސާބުތަކެއްކަން ދެނެގަތުމަށް ޓަކައި ކޮންމެ މަހަކު އެއްފަހަރު ބޭންކް ސްޓޭޓްމަންޓެއް ނަގައި، ރިކޮންސިލިއޭށަން ސްޓޭޓްމަންޓެއް ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ.

(ނ) ކޮންމެ މަހެއް ފެށުމާއެކު، ކުރީ މަހުގެ ރިކޮންސިލިއޭށަން ސްޓޭޓުމަންޓުގައިވާ ގޮތުން، ބޭންކް އެކައުންޓު ބަލަހައްޓާ ފޮތުގައި ހިމަނަންޖެހޭ އަދަދުތައް ހިމަނައި، އެކައުންޓުން އުނިކުރަންޖެހޭ އަދަދުތައް އުނިކޮށް، ބޭންކް އެކައުންޓުގެ ހިސާބުތައް ދިމާކުރަންވާނެއެވެ.

(ރ) މާލޭގައި ހިނގަމުންދާ ދައުލަތުގެ އޮފީސްތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ޖަމާކުރާ ފައިސާގެ ހިސާބު ދިމާކުރުމަށް ޓަކައި، ވޭތުވެދިޔަ މަހުގެ ހިސާބު، ހިނގާ މަހުގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން މިނިސްޓްރީން އޮފީސްތަކަށް ފޮނުވުމުން، ނުވަތަ ޕަބްލިކް އެކައުންޓިންގ ސިސްޓަމް މެދުވެރިކޮށް އެ މައުލޫމާތު ފޯރުކޮށްދިނުމުން، ރިކޮންސައިލްކޮށް ސްޓޭޓްމަންޓެއް ތައްޔާރުކުރަންވާނެއެވެ.

(ބ) މާލެ ފިޔަވައި އެހެނިހެން ތަންތާނގައި ހިނގަމުންދާ ދައުލަތުގެ އޮފީސްތަކުން ބޭންކުތަކުގައި ހުޅުވައިގެން ބަލަހައްޓާ އެކައުންޓުތަކަށް ޖަމާކުރާ ފައިސާގެ ހިސާބު ދިމާކުރުމަށް ޓަކައި މަހަކު އެއްފަހަރު ބޭންކުތަކުން މައުލޫމާތު ހޯދައިގެން ރިކޮންސައިލްކޮށް ސްޓޭޓްމަންޓެއް ތައްޔާރުކުރަންވާނެއެވެ.

 

5.21 ވަނަ މާއްދާ - ލަފާކުރާ އާމްދަނީގެ ކޭށްފްލޯ ތައްޔާރުކޮށް ހުށަހެޅުން

ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް އާމްދަނީ ފައިސާ ޖަމާކުރަންޖެހޭ ކޮންމެ އޮފީހަކުން ވެސް، ތިރީގައިމިވާ މައުލޫމާތު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ހ) ކުރިޔަށް އޮތް މާލީ އަހަރަށް، އާމްދަނީ އައިޓަމްތައް ވަކިން އެނގޭނޭހެން ތަފުސީލާއެކު، މިނިސްޓަރު އަންގާ ގޮތެއްގެ މަތީން، ލަފާކުރާ އާމްދަނީގެ ކޭށްފްލޯ ސްޓޭޓްމަންޓް.

(ށ) ކޮންމެ މީލާދީ މަހެއްގެ ސަރުކާރު ބަންދު ނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ވޭތުވެދިޔަ މަހު ލިބުނު ފައިސާގެ އަދަދާއި، ލަފާކުރާ އާމްދަނީގެ އެންމެފަހުގެ ސްޓޭޓްމަންޓް.

(ނ) މިނިސްޓްރީން ބޭނުންވެގެން އަންގާ އެހެނިހެން މައުލޫމާތު.

 

5.22 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުން ހަދާ ބިލު

(ހ) ދައުލަތުގެ އޮފީހަކަށް، ފަހުން އަގު ދައްކާގޮތަށް، ދައުލަތުގެ އޮފީސްތައް ފިޔަވައި، އެހެން އެއްވެސް ފަރާތަކަށް ތަކެތި ދޭނަމަ ނުވަތަ ހިދުމަތް ދޭނަމަ، އެ ކަމެއް ކުރުމަށް މިނިސްޓްރީއަށް ލިޔެ ހުއްދަ ހޯދަންވާނެއެވެ. އަދި ފަހުން އަގު ދައްކާގޮތަށް، ތަކެތިދޭ ނުވަތަ ހިދުމަތްދޭ ފަރާތްތައް އެ އޮފީހެއްގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ށ) ދައުލަތުގެ އޮފީހަކުން ތަކެތި ނުވަތަ ހިދުމަތެއް އެއްވެސް ފަރާތަކަށް ދީފިނަމަ، އެ ފަރާތަކަށް އެ ތަކެތި ނުވަތަ އެ ހިދުމަތެއް ލިބުނުކަމަށް އެ ތަކެތި ނުވަތަ އެ ހިދުމަތް ލިބުނު ފަރާތުގެ ސޮއި ވަގުތުން ހޯދަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ތަކެތި ނުވަތަ ހިދުމަތް ލިބުނުކަމުގެ ލިޔުން ނުވަތަ ސޮއި ލިބުމުން، ހިދުމަތް ލިބިގަތް ފަރާތަށް ލަސްނުކޮށް ބިލު ހަދަންވާނެއެވެ.

(ރ) ދައުލަތުގެ އޮފީސްތަކުން ހަދާ ބިލުގައި ނުވަތަ އިންވޮއިސްގައި ސޮއިކުރަންވާނީ، މާލީ ޒިންމާދާރު ވެރިޔާ ނުވަތަ މާލީ ޒިންމާދާރު ވެރިޔާ ހަމަޖައްސާ މުވައްޒަފުންނެވެ.

(ބ) ދައުލަތުގެ އޮފީސްތަކުން އެކި ފަރާތްތަކަށް ދޭ ހިދުމަތް ނިމެމުންދާވަރަކުން ނުވަތަ ހިދުމަތްދީ ނިމުމުން، ކަނޑައަޅައިފައިވާ އުސޫލަކުން ބިލު ހަދަންވާނެއެވެ.

(ޅ) ދައުލަތުގެ އޮފީސްތަކުން ހަދާ ބިލަށް ފައިސާ ދައްކަން ކަނޑައަޅާ މުއްދަތުގައި ފައިސާ ނުދައްކައިގެން ޖޫރިމަނާއެއް ނަގާގޮތަށް ހަމަޖައްސާނަމަ، ބިލު ހަދާއިރު ބިލުގައި އެކަން އެނގޭގޮތަށް އޮންނަންވާނެއެވެ.

(ކ) ފައިސާ ދެއްކުމުގެ ކުރީގައި ބިލުގެ އަސްލު ގެއްލިއްޖެނަމަ، އެ ބިލުގެ ނަކަލެއްކަން އެނގޭގޮތަށް ބިލެއް ހަދައިދެވިދާނެއެވެ. މިގޮތުން ހަދާ ބިލުގެ ކޮޕީގައި ބިލުގެ އަސްލު ގެއްލިގެން ނަކަލެއް ހަދައިދީފައިވާކަމަށް ލިޔެ، ބިލުގައި ސޮއިކުރުމުގެ ހުއްދަ އޮންނަ މީހަކު ސޮއިކުރަންވާނެއެވެ.

(އ) ބިލެއް ނުބައިކޮށް ލިޔެވިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ ބިލު ބާތިލުކުރަން ޖެހިއްޖެނަމަ، ބިލުގެ އަސްލާއި ކޮޕީއާއެކު ހީރަސްޖަހައި، ބާތިލުކުރި ސަބަބު ލިޔެ، ވެރިޔަކު ސޮއިކުރަންވާނެއެވެ.

(ވ) ދައުލަތުގެ އޮފީސްތަކަށް ފޮނުވާ ބިލަށް ފައިސާ ދެއްކުމުގެ މުއްދަތުކަމުގައި އާންމުގޮތެއްގައި ޖަހަންވާނީ، ބިލު ހަވާލުކުރާ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހެވެ.

(މ) ދައުލަތުގެ އޮފީސްތަކަށް ހަދާ ބިލުގެ ރަޖިސްޓަރީއެއް ބަލަހައްޓަންވާނެއެވެ. މި ރަޖިސްޓަރީގައި، ތިރީގައިވާ މައުލޫމާތު ހުންނަންވާނެއެވެ.

  1. ބިލު ނަންބަރު؛
  2. ބިލުގެ ތާރީހު؛
  3. ބިލުގައިވާ ފައިސާގެ އަދަދު؛
  4. ބިލު ހެދުނު ފަރާތް؛
  5. ބިލު ހަވާލުކުރި ތާރީހު؛
  6. ފައިސާ ދައްކަންވާ ތާރީހު؛
  7. ފައިސާ ދެއްކި ތާރީހު.

 

5.23 ވަނަ މާއްދާ - ދައުލަތުގެ އެއް އޮފީހުން އަނެއް އޮފީހަށް ދޭ ހިދުމަތަށް އަގުނެގުމާއި ޖޫރިމަނާކުރުން

(ހ) ދައުލަތުގެ އެއް އޮފީހުން އަނެއް އޮފީހަށް ދޭ ހިދުމަތަށް ނުވަތަ ކުރުވާ މަސައްކަތަށް ހަދާ ބިލުގައި ފައިސާ ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅައިފައި އޮތް ނަމަވެސް، އެ މުއްދަތު ހަމަވުމަށްފަހު ޖޫރިމަނާވާގޮތަށް ބިލު ހަދައިގެން ނުވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މިނޫން ގޮތަކަށް އަމަލުކުރާނީ މިނިސްޓްރީއަށް ލިޔެ ލިޔުމުން ހުއްދަ ހޯދައިގެން ނުވަތަ ގާނޫނަކުން ވަކި ގޮތަކަށް ކަނޑައަޅައިފައިވާ ހާލަތުގައެވެ.

(ނ) ވަކި މުއްދަތެއްގެ ތެރޭގައި ދެއްކުމަށް ކަނޑައަޅައިފައިވާ ފައިސާ، އެ މުއްދަތުގެ ތެރޭގައި ނުދެއްކުމުގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުމުގެ ޒިންމާ އުފުލާނީ، އެކަމުގައި އިހުމާލުވި މުވައްޒަފެވެ.

 

5.24 ވަނަ މާއްދާ - ދައުލަތަށް ލިބެންވާ ފައިސާ ހޯދުން

(ހ) ދައުލަތުގެ އޮފީހަކުން ކުރާ މަސައްކަތަކަށް ނުވަތަ ދޭ ހިދުމަތަކަށް ނުވަތަ ކުއްޔަށް ދީފައިވާ ތަނެއްގެ ކުއްޔަށް ނުވަތަ ވިއްކި އެއްޗެއްގެ އަގަށް ލިބެންޖެހޭ ފައިސާ، އެ ކަމެއް ނިމުނު ދުވަހުން ފެށިގެން ލަސްވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ހޯދަންވާނެއެވެ.

(ށ) ދައުލަތުގެ އޮފީހަކަށް ލިބެންވާ ފައިސާގެ ތެރެއިން މުއްދަތު ހަމަވުމަށްފަހު ޖޫރިމަނާވާގޮތަށް ކަނޑައެޅިފައި އޮންނަ ފައިސާ ހޯދަންވާނީ، ޖޫރިމަނާ ވެފައިވާނަމަ، ކަނޑައެޅިފައި އޮންނަ ޖޫރިމަނާއާ އެކުގައެވެ.

 

5.25 ވަނަ މާއްދާ - ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުންނަ ފައިސާގެ ހިސާބު ބެލެހެއްޓުން

(ހ) ފައިސާ ބަލައިގަންނަ ކޮންމެ އޮފީހަކުން ނުވަތަ ފައިސާ ބަލައިގަންނަ ކޮންމެ ތަނަކުން ވެސް، ބަލައިގަންނަ ފައިސާގެ ހިސާބު ބަލަހައްޓަންވާނެއެވެ.

(ށ) ދައުލަތަށް ލިބެންޖެހޭ ފައިސާއެއް މާފުކުރުމަށް ނުވަތަ ފައިސާ ނުނަގާގޮތަށް ހަމަޖައްސައިފިނަމަ، އެގޮތަށް ހަމަޖައްސާ ފައިސާގެ ހިސާބު އެ އޮފީހެއްގައި ލިޔެފައި އޮންނަންވާނެއެވެ.

 

5.26 ވަނަ މާއްދާ - ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ފިޔަވަޅު އެޅުމާއި ށަރީއަތަށް ފޮނުވުން

ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް، ތިރީގައިމިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަންވާނެއެވެ.

(ހ) ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ހޯދުމަށް މަސައްކަތްކުރުން؛

(ށ) ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވާއިރު ފައިސާ ނުލިބިއްޖެނަމަ، 7 (ހަތެއް) ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ހަނދާންކޮށްދީ، ފައިސާ ދައްކަންޖެހޭ ފަރާތަށް ލިޔުން ފޮނުވުން؛

(ނ) މި މާއްދާގެ (2) ވަނަ ނަންބަރުގައިވާ މުއްދަތު ފާއިތުވިއިރު ވެސް ފައިސާ ނުދައްކައިފިނަމަ، ފައިސާ ދެއްކުމަށް އިތުރު 7 (ހަތެއް) ދުވަސް ދިނުމަށްފަހު، އެ މުއްދަތުގައި ފައިސާ ދެއްކުމަށް ލިޔުމަކުން އެންގުން؛

(ރ) މި މާއްދާގެ (3) ވަނަ ނަންބަރުގައިވާ ގޮތަށް ފުރުސަތު ދިނުމުން ވެސް ފައިސާ ނުދައްކައިފިނަމަ، ފައިސާ ހޯދުމުގެ މައްސަލަ ށަރީއަތަށް ހުށަހަޅައިގެން ކުރިޔަށް ގެންދިޔުން.

 

5.27 ވަނަ މާއްދާ - އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާ

(ހ) އާމްދަނީގެ ގޮތުގައި ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަންވާނެއެވެ.

(ށ) އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރުމަށް ޓަކައި ފުރިހަމަކުރަންޖެހޭ ފޯމުގެ އިތުރަށް ޖަމާކުރާ ފައިސާގެ ތަފުސީލު (ބައިތަކަށް ބެހިފައިވާ ގޮތަށް) ބަޔާންކޮށްފައިވާ ފޯމެއްގެ 1 (އެކެއް) އަސްލާއި 1 (އެކެއް) ކޮޕީ، ފައިސާއާއެކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. މި ފޯމުގެ އަސްލާއި ކޮޕީގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސޮއިކުރުވައި، ތައްގަނޑު ޖެއްސުމަށްފަހު، ފޯމުގެ އަސްލު، ފައިސާ ދެއްކި އޮފީހަށް ގެންނަންވާނެއެވެ.

(ނ) އާމްދަނީގެ ފައިސާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރުމަށް ޓަކައި ހުށަހަޅަންޖެހޭ "އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ޖަމާކުރާ ފޯމު" MG/RV03 ގެ ނަމޫނާ، މި މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާނެއެވެ.

(ރ) އަތޮޅުތަކުގައި ހިންގާ ދައުލަތުގެ އޮފީސްތަކުގެ ތެރެއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފައިސާ ޖަމާކުރާ އޮފީސްތަކުން، ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރާ ފޯމުގައިވާ ހުރިހާ ބައިތަކެއް ފުރިހަމަކުރުމަށްފަހު، ފައިސާ ޖަމާކުރާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.

(ބ) އަތޮޅުތަކުގެ އޮފީސްތަކުގެ ތެރެއިން ބޭންކް މެދުވެރިކޮށް ފައިސާ ޓްރާންސްފަރކުރާ އޮފީސްތަކުން ފައިސާ ޓްރާންސްފަރކުރުމުގައި، މި މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "އަތޮޅުތެރެއިން ބޭންކް މެދުވެރިކޮށް ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފަރކުރާ ފޯމު" MG/RV04ގައިވާ ނަމޫނާއާ އެއްގޮތަށް ފުރިހަމަކުރުމަށްފަހު، ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފަރކުރާނީއެވެ. މި ފޯމު ތައްޔާރުކޮށް ފައިސާ ޓްރާންސްފަރކުރާއިރު، އެ އޮފީހެއްގެ ހަވާލުގައި ހުންނަ އެހެނިހެން އޮފީސްތަކުގެ ފައިސާ ޓްރާންސްފަރކުރުމުގައި، ކޮންމެ ތަނަކަށް ވަކި ފޯމެއް ތައްޔާރުކުރަންވާނެއެވެ. އަދި ފައިސާ ޓްރާންސްފަރކުރާނީ، އެ ތަނެއްގެ އާމްދަނީއަށް އެ ފައިސާއެއް ވަންނާނެ ގޮތުގެ މަތީން އެ ތަނަކާ ގުޅައިގެން ކޯޑުތައް ސާފުކުރުމަށްފަހުގައެވެ.

(ޅ) ދައުލަތުގެ އޮފީސްތަކުން "ޕަބްލިކް ބޭންކް އެކައުންޓް" އަށް ޓްރާންސްފަރކުރާ ފައިސާގެ "ޓްރާންސްފަރކުރާ ފައިސާގެ ޓްރާންސްފަރ ފޯމުގެ ރަޖިސްޓަރީ" އެއް މި މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ MG/RV06 ނަމޫނާ އާ އެއްގޮތަށް ބަލަހައްޓަންވާނެއެވެ.

(ކ) ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 31 ވަނަ ދުވަހު ލިބޭ ފައިސާއާއި، އޭގެ ކުރީގައި ލިބި ޖަމާނުކުރެވި ހުރި ފައިސާ، އެ ދުވަހު އެ ފައިސާއެއް ޖަމާކުރަންޖެހޭ އެކައުންޓަކަށް ޖަމާކުރަންވާނެއެވެ.

(އ) ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 31 ވަނަ ދުވަހަކީ ބަންދު ދުވަހެއްނަމަ، ދެން ހުޅުވޭ ދުވަހު މި މާއްދާގެ (ކ) ގައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

 

5.28 ވަނަ މާއްދާ - ދައުލަތުގެ އާމްދަނީ ލިޔެ ބެލެހެއްޓުމުގައި ބޭނުންކުރާ ކޯޑުތައް

ދައުލަތުގެ އާމްދަނީގެ ހިސާބުތައް ޕަބްލިކް އެކައުންޓިންގ ސިސްޓަމުން ބަލަހައްޓަމުން ގެންދިޔުމުގައި، އާމްދަނީ ފައިސާގެ ކޯޑުތައް ބަލަހައްޓަމުން ގެންދަންވާނީ، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީންނެވެ.

 

5.29 ވަނަ މާއްދާ - ފޮތް، މަޖައްލާ، ޓިކެޓުފަދަ ތަކެތި ވިއްކައިގެން ލިބޭ ފައިސާ

(ހ) ދައުލަތުގެ އެކި ފަރާތްތަކުން ފޮތް، މަޖައްލާ، ޓިކެޓު ވިއްކައިގެން ނުވަތަ އެނޫންވެސް ގޮތަކުން ލިބޭ ފައިސާ އާމްދަނީގެ ގޮތުގައި ޖަމާކުރުން ފިޔަވައި އެ ފައިސާއަށް އެހެން ގޮތެއް ހަދަންވާނީ، މިނިސްޓްރީއަށް ލިޔެ އެކަމަށް ހާއްސަ ހުއްދައެއް ހޯދައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކަންތައްތަކަށް ލިބޭ ފައިސާގެ ފޮތްތަކާއި ހިސާބުތައް ބަލަހައްޓައިފައި ހުންނަންވާނީ، އެ ހިސާބުތައް ފަހުން ޗެކުކުރެވޭނޭ ގޮތަކަށެވެ. މިސާލު: މައުރަޒަކަށް ނުވަތަ އެންޓަރޓެއިންމަންޓް ށޯއަކަށް، ނުވަތަ ކުޅިވަރު މުބާރާތަކަށް ވިއްކާ ޓިކެޓު އޮންނަންވާނީ ދެބަޔަކަށް ނުވަތަ ތިންބަޔަކަށެވެ. އޭގެ ތެރެއިން އެއްބައި (ކައުންޓަރފޮއިލް) ޗެކުކުރުމަށް ޓަކައި ތަނުގައި ރައްކައުކޮށްފައި ބާއްވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ތަކެތީގެ ސްޓޮކް، މި ގަވާއިދާ އެއްގޮތަށް ބަލަހައްޓަންވާނެއެވެ.

(ރ) މިފަދަ ކަންތައްތަކާބެހޭ ހިސާބުފޮތްތައް ބަލަހައްޓަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށެވެ.

 

5.30 ވަނަ މާއްދާ - ގަޑީލާރިއާއި ޖޫރިމަނާއަށް ލިބޭ ފައިސާ

(ހ) މުވައްޒަފުންގެ ގަޑީލާރިއާއި، ޖޫރިމަނާއާއި، އެހެނިހެން ގޮތްގޮތުން ކުރެވޭ ޖޫރިމަނާއަށް ލިބޭ ފައިސާ ވެސް ބަލާނީ، ދައުލަތުގެ އާމްދަނީއަށް ލިބޭ ފައިސާގެ ގޮތުގައެވެ.

(ށ) މުވައްޒަފުންގެ ގަޑީލާރިގެ ގޮތުގައި ނަގަންޖެހޭ ފައިސާ، ގަޑިޖެހުނު މަހުގެ މުސާރަ ދޭއިރު މުސާރައިން ކަނޑަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ހޯދަންޖެހޭ ގަޑީލާރި ނުހޯދައި އޮއްވައި، އެ ފައިސާއެއް ދައްކަންޖެހޭ މުވައްޒަފު ވަޒީފާއިން ވަކިވެގެން އޭނާއަށް މުސާރަ ދޭއިރު، މުސާރަ ދިނުމާ ހަވާލުވެހުރި މުވައްޒަފުގެ އިހުމާލުން އެ ފައިސާ ނުހޯދި އޮވެއްޖެނަމަ އެ ފައިސާއެއް ދައްކަންޖެހޭނީ، މުސާރަ ދިނުމާ ހަވާލުވެހުރި މުވައްޒަފެވެ.

 

5.31 ވަނަ މާއްދާ - އިހުމާލުވެގެން ކުރާ ޖޫރިމަނާގެ ފައިސާ ދެއްކުން

(ހ) ހުއްދަ ނޫން އަމަލެއް މުވައްޒަފަކު ކޮށްގެން ނުވަތަ އިހުމާލުވެގެން ކުރެވޭ ޖޫރިމަނާއެއް، އެ ޖޫރިމަނާ ކުރެވުނުކަން އެ މީހަކަށް އަންގައި، ފައިސާ ދެއްކުމަށް ނިންމާ ގޮތެއްގެ މަތީން، އެ ފައިސާ ދައްކައި ހަލާސްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުން ނަގާ ފައިސާ ވެސް ބަލާނީ، އާމްދަނީ ފައިސާގެ ގޮތުގައެވެ. ނަމަވެސް، މުވައްޒަފެއްގެ އިހުމާލުން އެހެން ފަރާތަކަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއްނަމަ، މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން އެ މުވައްޒަފެއްގެ އަތުން އެ ފައިސާ ހޯދައި، އާމްދަނީގެ ގޮތުގައި ޖަމާކުރާނީއެވެ. އެ ފަރާތަކަށް ދައްކަންޖެހޭ ޖޫރިމަނާ ދެއްކުމަށް ހަރަދުކުރާނީ، އެ އޮފީހެއްގެ ބަޖެޓުންނެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މުވައްޒަފަކު އިހުމާލުވެގެން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ، އެ މުވައްޒަފެއްގެ އަތުން އަނބުރާ ހޯދުމަށް ފެންނަ ގޮތެއް އެ އޮފީހަކުން ނިންމުމަށްފަހު، މިނިސްޓްރީއަށް ހުށަހަޅައި، ހުއްދަ ލިބޭ ގޮތެއްގެ މަތީން އެ ފައިސާ އެ މުވައްޒަފެއްގެ އަތުން ހޯދަންވާނެއެވެ.

 

5.32 ވަނަ މާއްދާ - އާމްދަނީ ފައިސާ ރިފަންޑްކުރުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ، އާމްދަނީގެ ފައިސާއެއް ރިފަންޑެއް ނުކުރެވޭނެއެވެ.

  1. ބަލައިގަނެވޭ އާމްދަނީ ފައިސާއަކީ ގާނޫނަކުން ނުވަތަ ގާނޫނެއްގެ ބާރު ލިބިގެން ހެދޭ ގަވާއިދެއްގެ ދަށުން ބަލައިގަތުމަށް ކަނޑައެޅިފައިވާ ފައިސާއަކަށް ވެފައި، އެ ގާނޫނުގެ ދަށުން ނުވަތަ އެ ގަވާއިދުގެ ދަށުން އެ ފައިސާ އަނބުރާ ދޭންޖެހުން؛
  2. ނަގަން ނުޖެހޭ ފައިސާއެއް ނެގުމުގެ ސަބަބުން ރިފަންޑް ދޭންޖެހުން؛
  3. އެކައުންޓެންޓް ޖެނެރަލް ލިޔުމަކުން ދޭ ހާއްސަ ހުއްދައެއްގެ ދަށުން ދޭންޖެހޭ އެހެނިހެން ރިފަންޑް ދިނުމަށް.

(ށ) ރިފަންޑް ފައިސާ ދިނުމަށް ހުއްދަ ދެވޭނީ، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާއަށް ނުވަތަ މާލީ ޒިންމާދާރު ވެރިޔާ ކަނޑައަޅައި، ލިޔުމަކުން ހުއްދަދޭ މުވައްޒަފަކަށެވެ. އަދި މިފަދަ ހުއްދަދެވޭ ފަރާތްތައް، އެކައުންޓެންޓް ޖެނެރަލްއަށް ލިޔުމުން އަންގަންވާނެއެވެ.

(ނ) އާމްދަނީ ފައިސާއިން ދޭ ރިފަންޑް ވައްދަންވާނީ، އެކަމަކާ ގުޅޭ އާމްދަނީގެ ކޯޑަކަށް ނުވަތަ އެ ފައިސާ ދިނުމަށް އެކައުންޓެންޓް ޖެނެރަލް އަންގާ ބަޖެޓު ކޯޑަކަށެވެ. ކުރީ އަހަރެއްގެ އާމްދަނީން ދޭ ރިފަންޑެއް ވައްދާނީ، އެކައުންޓެންޓް ޖެނެރަލް ލިޔުމަކުން ބަޔާންކުރާ އެކައުންޓަކަށެވެ.

 

5.33 ވަނަ މާއްދާ - ބޭރުގެ އެހީގެ ގޮތުގައި ލިބޭ ފައިސާ

(ހ) ދައުލަތުގެ އޮފީސްތަކަށް ބޭރުގެ އެކިއެކި ފަރާތްތަކުން އެހީގެ ގޮތުގައި ލިބޭ ފައިސާ ބަލައިގަންނަންވާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގަބޫލުކުރާ ބޭރުފައިސާއަކުންނެވެ.

(ށ) ދައުލަތުގެ އޮފީސްތަކަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ލިބޭ ފައިސާ، އެ ފައިސާއެއް ލިބުމާއެކު، ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އަންގަންވާނެއެވެ. އަދި އެ ފައިސާ ޖަމާކުރަންވާނީ، މިނިސްޓްރީން ކަނޑައަޅާ އެކައުންޓަކަށެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އެކައުންޓަށް ޖަމާކުރުމަށް ފައިސާ ފޮނުވާއިރު ފޮނުވާނީ، އެ ފައިސާއަކާބެހޭ އަންނަނިވި މައުލޫމާތާ އެކުގައެވެ.

  1. ފައިސާ ލިބުނު ފަރާތް؛
  2. ފައިސާ ދިން ފަރާތް؛
  3. ފައިސާގެ އަދަދާއި ބާވަތް؛
  4. ފައިސާ ލިބުނު ބޭނުން؛
  5. ޖަމާކުރަން ބޭނުންވާ އެކައުންޓު ނަންބަރު؛
  6. އެއްބަސްވުމެއްގެ ދަށުންނަމަ، އޭގެ ރިފަރެންސް ނަންބަރު.

(ރ) ރާއްޖޭގައި ބޭރުގެ ފަރާތަކުން ހިންގާ ވިޔަފާރިއަކުން ނުވަތަ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ވަކި ކަމަކަށް ނުވަތަ ވަކި ފަންޑަކަށް ޖަމާކުރުމަށް ޓަކައި އެހީގެ ގޮތުގައި ދޭ ފައިސާ، މި މާއްދާގެ (ށ) އިން އިސްތިސްނާވާނެއެވެ. ނަމަވެސް، މިފަދަ ފައިސާ ވެސް ޖަމާކުރަންޖެހޭ އެކައުންޓަކަށް ޖަމާކުރުމަށް ޓަކައި މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

(ބ) ބޭރުގެ އެހީގެ ގޮތުގައި ލިބޭ ސްކޮލަރށިޕް، ފެލޯށިޕް، ޓްރޭނިންގކޯސް ފަދަ ކަންތައްތަކަށް އެހީ ދޭ ފަރާތްތަކުން ކުރާ ހަރަދުތަކާއި، އެކިއެކި ޖަލްސާއާއި ސެމިނަރފަދަ ތަންތާނގައި ބައިވެރިވުމަށް ބޭރުގެ އެހީގައި ލިބޭ ފައިސާގެ ހަރަދުގެ ހިސާބު، އެ ކޯހެއް ނުވަތަ އެ ޖަލްސާއެއް ނިމޭތާ، އެންމެ ލަސްވެގެން ވެސް، ސަރުކާރު ބަންދު ނޫން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ އޮފީހަކުން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.
 

5.34 ވަނަ މާއްދާ - ބޭރުގެ އެހީގެ ގޮތުގައި ލިބޭ ތަކެތި

ބޭރުގެ އެހީގެ ގޮތުގައި ދައުލަތުގެ އޮފީސްތަކަށް ލިބޭ ތަކެތި، އެ އެއްޗެއް ލިބޭތާ ލަސްވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ އެއްޗެއްގެ އަގާއެކު، ފުރިހަމަ މައުލޫމާތު މިނިސްޓްރީއަށް ފޮނުވަންވާނެއެވެ. މީގެ ތެރޭގައި، ބޭރުގެ އެހީގައި ކުރެވޭ އިމާރާތްތަކާއި ހިންގާ މަސައްކަތްތަކަށް ބޭނުންކުރުމަށް ޓަކައި ހޯދާ ހުރިހާ ތަކެއްޗެއް ވެސް ހިމެނެއެވެ. މި މައުލޫމާތު ފޮނުވާއިރު، މި ގަވާއިދުގެ 5.33 ވަނަ މާއްދާގެ (ނ) ގައިވާ މައުލޫމާތު ފޮނުވަންވާނެއެވެ. 
 

5.35 ވަނަ މާއްދާ - ބޭރުގެ އެކިއެކި ފަރާތްތަކުން ވަކި މުއްދަތެއްގެ ތެރޭގައި ލިބެންވާ ފައިސާ

ބޭރުގެ ފަރާތްތަކުން ދައުލަތަށް ލިބެންވާ ފައިސާއެއް އޮތްނަމަ، ނުވަތަ ވަކި މުއްދަތަކުން ފެށިގެން އެ ފައިސާއެއް ލިބޭގޮތަށް ހަމަޖެހިފައިވާނަމަ، އެ ފައިސާއަކާ ބެހޭގޮތުން މި ގަވާއިދުގެ 5.33 ވަނަ މާއްދާގެ (ނ) ގައިވާ މައުލޫމާތު މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.
 

5.36 ވަނަ މާއްދާ - އަމިއްލަ ފަރާތްތަކުން ދޭ އެހީގެ ފައިސާއާއި ތަކެތި

(ހ) ދައުލަތުގެ އޮފީހަކުން ހިންގާ ކަމަކަށް ނުވަތަ ދައުލަތުގެ އޮފީހަކަށް އަމިއްލަ ފަރާތަކުން ފައިސާގެ އެހީއެއް ދީފިނަމަ، އެ ފައިސާ ލިބުނު ކަމަކާބެހޭ އެކައުންޓަށް ޖަމާކުރުމަށް ޓަކައި މި ގަވާއިދުގެ 5.34 ވަނަ މާއްދާގެ (ނ) ގައިވާ މައުލޫމާތު މިނިސްޓްރީއަށް ފޮނުވަންވާނެއެވެ. މީގެ ތެރޭގައި ފަންޑު އެކައުންޓުތަކަށް ޖަމާކުރަންޖެހޭ ފައިސާއެއް ނުހިމެނެއެވެ.

(ށ) ދައުލަތުގެ އޮފީހަކުން ހިންގާ ކަމަކަށް ނުވަތަ ދައުލަތުގެ އޮފީހަކަށް އަމިއްލަ ފަރާތަކުން ތަކެތީގެ އެހީއެއް ލިބިއްޖެނަމަ، ލިބުނު ތަކެތި އެކަށީގެންވާ ތަނެއްގައި ރައްކައުތެރިކަމާއެކު ބަހައްޓައި، ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ތަކެތި ލިބުނުކަން މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ނ) ދައުލަތުގެ އޮފީހަކުން ހިންގާ ކަމަކަށް ނުވަތަ ދައުލަތުގެ އޮފީހަކާ ގުޅިގެން ބޭރުގެ ފަރާތަކުން ހިންގާ ކަމަކަށް ނުވަތަ އަމިއްލަ ފަރާތަކުން ދޭން ބޭނުންވާ އެއްޗެއް ގަތުމަށް ފައިސާ ދިންކަމުގައި ވިޔަސް، އެ ފައިސާ އެ އޮފީހަކަށް ބަލައިގަނެ ރަސީދެއް ދޫކުރަންވާނެއެވެ. އެ ފައިސާއާ އެ އޮފީހުގެ މުވައްޒަފަކު ހަވާލުވެ ތަކެތި ގަނެދީ ހަދައިގެން ނުވާނެއެވެ.
 

5.37 ވަނަ މާއްދާ - ހައިރާތުފޮށި ބެހެއްޓުމާއި، އެ ފޮށި ހުޅުވުން

(ހ) ދައުލަތުގެ އެއްވެސް އޮފީހަކުން ހައިރާތު ފޮށްޓެއް ބަހައްޓަންވާނީ، އެ އޮފީހަކުން ހަމަޖައްސާ ގޮތެއްގެ މަތީން، އެއީ ކޮންކަމަކާ ގުޅިގެން ބަހައްޓާ ފޮށްޓެއްކަމާއި، އެ ފޮށި ބެހެއްޓުމުގެ ބޭނުމާއި، މަގުސަދާއި، އެކަމުގައި އުޅޭނެ ފަރާތްތައް އެ އޮފީހެއްގައި ރަޖިސްޓަރީކޮށްގެން، ހާމަކަންބޮޑު ގޮތެއްގެ މަތީންނެވެ. ހައިރާތު ފައިސާ ލުމަށް ބަހައްޓައިފައި ހުންނަ ފޮށިފޮށިން ފައިސާ ނެގުމަށް ޓަކައި، އެފަދަ ފޮށި ހުޅުވަންވާނީ، އެ އޮފީހުގެ އިސް 2 (ދޭއް) މުވައްޒަފުންނާއި، އޮފީހުގެ ވެރިޔެއްގެ ހާޒިރުގައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ފޮށި ހުޅުވާއިރު ހުންނަ ފައިސާ ގުނައި، ހުރި އަދަދު، އެކަމަށް ކަނޑައެޅިފައި އޮންނަ ވަކި ފޮތެއްގައި ނުވަތަ ށީޓެއްގައި ލިޔެ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން އެ ފޮތުގައި ނުވަތަ ށީޓުގައި ސޮއިކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ފޮށި ހުޅުވާއިރު ހުންނަ ފައިސާ ގަވާއިދުން އޮފީހަށް ބަލައިގަނެ، ރަސީދެއް ދޫކުރަންވާނެއެވެ.

 

5.38 ވަނަ މާއްދާ - ކޮން ފައިސާއެއްކަން ނޭނގި ދައުލަތަށް ލިބޭ ފައިސާ ސަސްޕެންސް އެކައުންޓަށް ޖަމާކުރުން

(ހ) ކޮން ކަމަކަށް ލިބުނު ކޮން ފައިސާއެއްކަން އަދި އެ ފައިސާއެއް ފޮނުވި ބޭނުމެއް ނުވަތަ މަގުސަދެއް ސާފުނުވާގޮތަށް އެއްވެސް މައުލޫމާތަކާ ނުލައި ލިބޭ ފައިސާ އެ ތަނަކަށް ގަވާއިދުން ބަލައިގަނެ އެކައުންޓަށް ޖަމާކުރެވުނު ކަމުގައި ވިޔަސް، "ރިސިޕްޓްސް އިން ސަސްޕެންސް" ގެ ނަމުގައި ޖާނަލް އެކައުންޓެއް ނުވަތަ އައިޓަމެއް އުފައްދައި، އެ އެކައުންޓަކަށް ނުވަތަ އެ އައިޓަމަކަށް އެ ފައިސާ ވައްދަންވާނެއެވެ. އަދި މިފަދަ ފައިސާއެއް ލިބުމާއެކު، އެ ފައިސާއަކާބެހޭ މައުލޫމާތު ސާފުކުރުމަށްފަހު، އެ ފައިސާ "ރިސިޕްޓްސް އިން ސަސްޕެންސް" އެކައުންޓުން ނަގައި، އެ ފައިސާ ވައްދަންޖެހޭ ރަނގަޅު އެކައުންޓަކަށް ނުވަތަ އައިޓަމަކަށް ވައްދަންވާނެއެވެ.

(ށ) ކޮން ކަމަކަށް ލިބުނު ފައިސާއެއްކަން ނޭނގި ލިބޭ ފައިސާ ޖަމާކުރުމަށް "ރިސިޕްޓްސް އިން ސަސްޕެންސް" އެކައުންޓެއް ނުވަތަ އައިޓަމެއް ހުޅުވަން ބޭނުންވާނަމަ، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ މިނިސްޓްރީއަށް ހުށަހަޅައިގެން އެކަން ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރިސިޕްޓްސް އިން ސަސްޕެންސް އެކައުންޓުގައި ހުންނަ ފައިސާގެ މައުލޫމާތު، ވީ އެންމެ އަވަހަކަށް ސާފުކުރުމަށް މަސައްކަތް ކުރަންވާނެއެވެ. އަދި އެ ފައިސާއަކާބެހޭ ރަނގަޅު މައުލޫމާތު ސާފުވުމުން، އެ ފައިސާ ރަނގަޅު ކޯޑަށް ނުވަތަ އައިޓަމަށް ބަދަލުކުރުމަށް ޓަކައި ޖާނަލް ވައުޗަރެއް ހަދަންވާނެއެވެ.

(ރ) "ރިސިޕްޓްސް އިން ސަސްޕެންސް" އެކައުންޓުގައި ނުވަތަ އައިޓަމުގައި ހުންނަ ފައިސާ، އެ އަހަރު ނިމޭއިރު ވަކިގޮތަކަށް ނުނިމިއްޖެނަމަ، މިނިސްޓްރީއަށް ލިޔެގެން، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް އެ ފައިސާ ޓްރާންސްފަރ ކުރަންވާނެއެވެ. މިގޮތަށް ޓްރާންސްފަރކުރާ ފައިސާ މިނިސްޓްރީން "އަންކްލެއިމްޑް ފައިސާގެ ރަޖިސްޓަރީ" ގައި އިތުރު 2 (ދޭއް) އަހަރުދުވަސް ވަންދެން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ. އަދި މި ފައިސާ ހޯދުމަށް އެއްވެސް ފަރާތަކުން އެކަށީގެންވާ ހެތްކާއެކު ހުށަހަޅައިފިނަމަ، ސަސްޕެންސް އެކައުންޓުން ނުވަތަ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން އެ ފައިސާ ނަގައި، އެ ފަރާތަކަށް އެ ފައިސާ ދޭނީއެވެ.

 

5.39 ވަނަ މާއްދާ - ކޮން ފައިސާއެއްކަން ނޭނގި އިތުރުވާ ފައިސާ

ވަކި ފަރާތެއްގެ ފައިސާއެއްކަން ނޭނގި ނުވަތަ ކޮން ކަމަކަށް ލިބުނު ފައިސާއެއްކަން ނޭނގި އިތުރުވާ ފައިސާ، ދައުލަތުގެ އާމްދަނީގެ ގޮތުގައި އެ ތަނެއްގެ އާމްދަނީއަށް ޖަމާކުރަންވާނެއެވެ.

 

5.40 ވަނަ މާއްދާ - ދައުލަތަށް ފައިސާ ލިބޭގޮތަށް މަސައްކަތް ކޮށްދިނުމާއި ހިދުމަތްދިނުން

(ހ) ދައުލަތުގެ އޮފީހަކުން އަގަށް ހިދުމަތެއް ދޭނަމަ، ނުވަތަ ދައުލަތަށް ފައިސާ ލިބޭގޮތަށް މަސައްކަތެއް ކުރުވާނަމަ ކުރުވަންވާނީ، ހަމަހަމަ އުސޫލެއްގެ ދަށުން، ހާމަކަން ބޮޑު ގޮތެއްގައެވެ.

(ށ) ދައުލަތުގެ އޮފީސްތަކުން ހިދުމަތެއް ދިނުމުގައި، ވަކި އުސޫލެއް، ނުވަތަ ފައިސާ ނަގާނެ ވަކި ރޭޓުތަކެއް ހަމަޖައްސައިފައިވާ ތަންތަނުން އަމަލުކުރާނީ، އެ އުސޫލުންނެވެ. ހިދުމަތްދިނުމަށް ހަމަޖައްސައިފައިވާ އަގުތައް ލިޔުމުން އެނގެން އޮންނަންވާނެއެވެ.

 

5.41 ވަނަ މާއްދާ - އެކި ފަރާތްތަކަށް ފޮނުވާ ބިލުތަކަށް ނުވަތަ އެނޫން ކަމަކަށްވެސް ފައިސާ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ނުދެއްކުމުން އަމަލުކުރަންޖެހޭ ގޮތް

އެކި ފަރާތްތަކަށް ފޮނުވާ ބިލުތަކަށް ނުވަތަ އެނޫން ކަމަކަށް ވެސް ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވަނީ ސަރުކާރު ބަންދު ދުވަހެއްގައި ކަމުގައި ވާނަމަ، ޖެހިގެން ހުޅުވޭ ދުވަހު ބިލުގެ ފައިސާ ދައްކައިފިނަމަ، ޖޫރިމަނާކުރާކަށް ނުޖެހޭނެއެވެ. ހުޅުވުނު ދުވަހު ފައިސާ ނުދައްކައިފިނަމަ، މުއްދަތު ހަމަވެގެން ނަގަންޖެހޭ ޖޫރިމަނާ ނަގަންވާނެއެވެ.

 

ބާބު 6

ދައުލަތުގެ ފައިސާ ހަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

 

6.01 ވަނަ މާއްދާ - ދައުލަތުގެ ފައިސާ ހަރަދުކުރުން

(ހ) ދައުލަތުގެ ފައިސާ ހަރަދުކުރަންވާނީ، ގާނޫނުގައި ބަޔާންކޮށްފައިވާ ޕަބްލިކް ބޭންކް އެކައުންޓުގެ ފަންޑުތަކުގައި ދަރަންޏަށް ޒިންމާވާގޮތަށް ފައިސާ ހަރަދުކުރެވެންހުރެ، ގާނޫނީ ހަމަތަކުގެ މަތީން ހޯދޭ ތަކެއްޗަށް، ނުވަތަ ލިބިގަނެވޭ ހިދުމަތަށް، ނުވަތަ ކުރުވާ މަސައްކަތަށް، ނުވަތަ އަދާކުރާ ވަޒީފާގެ މުސާރައާއި އިނާޔަތަށް، ނުވަތަ ގާނޫނާ އެއްގޮތަށް ދޫކުރެވޭ ލޯނާއި ހާއްސަ އެހީއަށް ގާނޫނީ ހަމަތަކުގެ މަތިން ހަރަދުކުރުމަށް ހުއްދަކުރާ ފައިސާ ދޫކުރުމަށެވެ.

(ށ) ފައިސާ ހަރަދުކުރުމަށް ހުއްދަ ދޭނީ، އެކަމަށް ކަނޑައަޅާ އިސްވެރިޔަކު ހުއްދަ ދީފައިވާ ފަރާތްތަކުންނެވެ. އަންނަނިވި ހާލަތްތަކުގައި މެނުވީ، ދަރަންޏަށް ޒިންމާވާގޮތަށް، ދައުލަތުގެ ފައިސާ ހަރަދުކުރަންޖެހޭ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެއެވެ.

  1. ދަރަންޏަށް ޒިންމާވާގޮތަށް ހަރަދުކުރަންޖެހިފައިވާ ފައިސާ، ބަޖެޓުގައި ނުވަތަ އެ ހަރަދެއް ކުރަން ކަނޑައެޅިފައިވާ އެކައުންޓެއްގައި ހަރަދުކުރުމަށް ބޭނުންވާ މިންވަރަށް ލިބެން ހުރުން؛
  2. ގާނޫނާއި މި ގަވާއިދުގައި ހުއްދަކުރެވިގެން ހަރަދުކުރަން ޖެހިފައިވާ ފައިސާއެއް ކަމުގައި ވުން.

(ނ) އެއްވެސް އެކައުންޓަކުން ފައިސާއެއް ދައްކާނަމަ، ތިރީގައިމިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

  1. ދައުލަތުގެ އެއްވެސް އެކައުންޓަކުން ފައިސާއެއް ދައްކާނަމަ ދައްކަންވާނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޕޭމަންޓް ވައުޗަރު ތައްޔާރުކުރުމަށްފަހުގައެވެ. ނަމަވެސް، ޕީ.އޭ.އެސް. މެދުވެރިކޮށް ޕާރޗޭސް އޯޑަރު ތައްޔާރުކުރާ އޮފީސްތަކުން، ޕޭމަންޓް ވައުޗަރު ތައްޔާރުނުކޮށް ފައިސާ ދެއްކިދާނެއެވެ.  
  2. ވެންޑަރުގެ (ފައިސާ ލިބެންވާ ފަރާތުގެ) ނަމާއި، އެޑްރެހާއި، ވެންޑަރުގެ ބޭންކް އެކައުންޓު ނަންބަރާއި، ޕީ.އޭ.އެސް.ގެ ވެންޑަރުގެ ކޯޑު (ވެންޑަރ އައި.ޑީ) ރިކޯޑު ކުރެވިފައިވޭތޯ ބެލުން؛
  3. އެކައުންޓު ކޯޑުތަކާއި، އައިޓަމް ކޯޑުތައް ރަނގަޅުތޯ ބެލުން؛
  4. އަނބުރާ ލިބޭގޮތަށް ކުރެވޭ ހަރަދެއްނަމަ، ފައިސާ ދައްކާ ވައުޗަރުގައި އެކަން ރަނގަޅަށް ބަޔާންކޮށްފައިވޭތޯ ބެލުން؛
  5. ބޭރުފައިސާއެއްނަމަ، ރޭޓާއި ގަތް އަދަދާ ގުނަކުރުމުން އަންނަ ފައިސާގެ އަދަދަކީ ރަނގަޅު އަދަދެއްތޯ ބެލުމާއި، އެއްކުރުމާއި ޖުމުލަކުރުން ރަނގަޅުތޯ ބެލުން؛
  6. ތަކެއްޗާއި ހިދުމަތް ފުރިހަމަޔަށް ލިބިފައިވޭތޯ ބެލުމާއި، މަސައްކަތްތައް ނިމިފައިވޭތޯ ބެލުން؛
  7. ފައިސާ ދައްކާ ވައުޗަރާއެކު ހުންނަންޖެހޭ ހުރިހާ ލިޔުންތަކެއް ހަމަޔަށް ހުރިތޯ ބެލުމާއި، ފުރިހަމަކުރަންޖެހޭ ހުރިހާ ލިޔުންތަކެއް ފުރިހަމަކުރެވިފައިވޭތޯ ބެލުން؛
  8. ފައިސާ ދައްކާ ވައުޗަރު ކަނޑައި ފޮހެ ޓިޕެކްސްޖަހައި ބަދަލުކޮށްފައިވޭތޯއާއި، އޭގައިވާ ލިޔުންތައް ކިޔަން އެނގޭތޯއާއި، ލިޔެފައިވާ ލިޔުމަކީ ފަސޭހައިން ބަދަލުނުކުރެވޭގޮތަށް ހުރި ލިޔުމެއްތޯ ބެލުން.

(ރ) ފައިސާ ދައްކާ ވައުޗަރުގައިވާ އަދަދަކަށް ނުވަތަ ލިޔުމަކަށް ބަދަލެއް ގެނެސްފައިވާނަމަ، އެ ވައުޗަރެއް ގަބޫލުކުރެވޭނީ، ބަދަލު ގެނެސްފައިވާ ތަނުގައި، ފައިސާ ހަރަދުކުރުމުގެ ހުއްދަ އޮތް ވެރިން ސޮއިކުރުމުންނެވެ.

(ބ) ދައުލަތުގެ އޮފީސްތަކުން ކުރާ މަސައްކަތްތަކަށާއި، ގަންނަ މުދަލަށާއި، ހޯދާ ހިދުމަތަށް ފައިސާ އަދާކުރުމުގައި ނަގުދު ފައިސާއިން ފައިސާ ދެވޭނީ، މިނިސްޓްރީން ހުއްދަދޭ އަދަދަކަށް އަދި ހުއްދަދޭ ކަންކަމަށެވެ.

 

6.02 ވަނަ މާއްދާ - ޕޭމަންޓް ވައުޗަރު ތައްޔާރުކުރުން

(ހ) ފައިސާ ހަރަދުކުރުމަށް ޓަކައި ޕޭމަންޓް ވައުޗަރު ތައްޔާރުކުރާނީ، ހިސާބު ބަލަހައްޓާ މުވައްޒަފެކެވެ.

(ށ) ޕޭމަންޓް ވައުޗަރު ތައްޔާރުކުރަންވާނީ، އެ ކަމާ ގުޅޭ ލިޔުންތައް ފުރިހަމަކޮށްފައިވާނަމައެވެ.

(ނ) ޕޭމަންޓް ވައުޗަރު ހަދަންވާނީ، މުދާ ނުވަތަ ހިދުމަތް ލިބިފައިވާކަމުގެ ލިޔުން އޮތްތޯ ބަލައި، އިންވޮއިސްގައިވާ އަގުތަކާއި ޕަރޗޭސް އޯޑަރު ނުވަތަ ސަރވިސް އޯޑަރު ނުވަތަ ކޮންޓްރެކްޓްފަދަ ގުޅުންހުރި ލިޔުންތަކާ އަޅައިބަލައި، ހިސާބުތައް ޗެކުކޮށް ރަނގަޅުތޯ ބެލުމަށްފަހުގައެވެ. ޕޭމަންޓް ވައުޗަރު ތައްޔާރުކުރަންވާނީ، މި މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ MG/BC04ނަމޫނާއާ އެއްގޮތަށެވެ.

(ރ) ޕޭމަންޓް ވައުޗަރު ތައްޔާރުކުރުމުގައި، އެ ޕޭމަންޓް ވައުޗަރަކުން ކުރާ ހަރަދަކާ ގުޅޭ ސައްހަ ހުރިހާ ލިޔުމެއް، ޕޭމަންޓް ވައުޗަރާއެކު ހިމަނަންވާނެއެވެ.

(ބ) ޕޭމަންޓް ވައުޗަރު ހަދާއިރު، މި މާއްދާގެ (ނ) ގައިވާ ކަންތައްތަކުގެ އިތުރަށް، ޕޭމަންޓް ވައުޗަރާއެކު ހުންނަންޖެހޭ ހުރިހާ ލިޔުންތައް ހަމަޔަށް ހުރިތޯއާއި، އެ ލިޔުންތައް ފުރިހަމަކޮށްފައިވޭތޯ ބަލައި ޗެކުކުރަންވާނެއެވެ.

(ޅ) ޕޭމަންޓް ވައުޗަރު ތައްޔާރުކުރި މުވައްޒަފު ނޫން އެހެން މުވައްޒަފަކު، ޕޭމަންޓް ވައުޗަރާއި ޗެކު ހަދައިފައިވަނީ ރަނގަޅަށްތޯ ޗެކުކުރަންވާނެއެވެ. ޗެކުކުރާ މުވައްޒަފު ބަލަންޖެހޭ ކަންތައްތަކުގެ ފޯމު (ޗެކު ލިސްޓު) MG/BC06 މި މިނިސްޓްރީގެ ވެސްބައިޓުގައި ށާއިއުކޮށްފައި ވާނެއެވެ. ޕަބްލިކް އެކައުންޓިންގ ސިސްޓަމް މެދުވެރިކޮށް ޕޭމަންޓް ވައުޗަރ ހުށަހަޅާ ދައުލަތުގެ އޮފީސްތަކުން، މި ޗެކު ލިސްޓް ފުރިހަމަކުރުމުން އިސްތިސްނާވެގެންވެއެވެ.

(ކ) ޕޭމަންޓް ވައުޗަރަށް ހުއްދަ ހޯދުމަށްފަހު، ހަރަދާބެހޭ މައުލޫމާތު ލިޔެ، ބަޖެޓު ބާކީކުރަންވާނެއެވެ.

(އ) ޕޭމަންޓް ވައުޗަރުން ހަރަދުކުރުމަށް ހުއްދަކުރެވެންދެން ފައިސާ ހަރަދުކުރުމުގެ ވައުޗަރާއި ޗެކުތައް ހުންނަންޖެހޭނީ، ފައިސާ ބަލަހައްޓާ މުވައްޒަފުގެ ހަވާލުގައި ރައްކައުތެރި ތަނެއްގައެވެ.

(ވ) ފައިސާ ހަރަދުކުރުމަށް ޕޭމަންޓް ވައުޗަރުން ހުއްދަދީ ޗެކުގައި ސޮއިކުރުމަށްފަހު، ފައިސާ ހަވާލުކުރަންޖެހޭ ފަރާތަކާ ލަސްނުކޮށް ފައިސާ ހަވާލުކުރަންވާނެއެވެ. އެއްވެސް ސަބަބަކާހުރެ ފައިސާ ހަވާލު ނުކުރެވިއްޖެނަމަ، ޗެކުތައް ބަހައްޓަންވާނީ، ތިޖޫރީގައި ނުވަތަ މި ގަވާއިދުގެ 6.23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ތަނެއްގައި ނުވަތަ އެއްޗެއްގައެވެ.

(މ) ދައުލަތުގެ އޮފީސްތަކަށް އެކި ފަރާތްތަކުން ހުށަހަޅާ ލިޔުންތައް (އިންވޮއިސްއެއް ނުވަތަ ބިލެއް) ދައްކަންޖެހޭ ފައިސާގެ ބިލުގައި މައްސަލައެއް ނެތްނަމަ، ބިލު ލިބޭތާ، އެންމެ ލަސްވެގެން ވެސް، ސަރުކާރު ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި ފައިސާ ދައްކަންވާނެއެވެ. ބިލުގައި މައްސަލައެއް އޮތްނަމަ، ބިލު ލިބުނު ތާރީހުކަމުގައި ބަލާނީ، އެ މައްސަލައެއް ހައްލުކުރުމަށްފަހު ބިލު ލިބުނު ތާރީހެވެ.

(ފ) ފައިސާ ހޯދުމަށް ހުށަހަޅައިފައިވާ ލިޔުމެއް (އިންވޮއިސްއެއް ނުވަތަ ބިލެއް) ގެ އަސްލު ގެއްލިއްޖެނަމަ، ކޮޕީ ލިޔުމަކަށް ފައިސާ ދެއްކޭނީ، އެ ލިޔުމެއްގެ އަސްލު ގެއްލިފައިވާކަމަށާއި، ކުރިން ފައިސާ ދެއްކިފައި ނުވާކަމަށް، އެކަން ޗެކުކުރި މުވައްޒަފާއި ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރުގެ މަސްއޫލިއްޔަތު އަދާކުރާ މުވައްޒަފު އެކަން ބަޔާންކޮށް ސޮއިކުރުމުންނެވެ.

 

6.03 ވަނަ މާއްދާ - ޕަބްލިކް އެކައުންޓިންގ ސިސްޓަމް މެދުވެރިކޮށް ފައިސާ ހަރަދުކުރުން

(ހ) ޕަބްލިކް އެކައުންޓިންގ ސިސްޓަމް މެދުވެރިކޮށް ހަރަދުކުރުމަށް ތައްޔާރުކުރާ ޕޭމަންޓް ވައުޗަރު، އެކަމަށް ހުއްދަކޮށްފައިވާ ވެރިޔަކު ހުއްދަދީފައި ސޮއިކުރުމުން، ސަޕޯޓިންގ ޑޮކިއުމަންޓްތަކާއެކު، އެންމެ ލަސްވެގެން ވެސް 3 (ތިނެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އެ ވައުޗަރު ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ތައްޔާރުކުރާ ޕޭމަންޓް ވައުޗަރާއި ސަޕޯޓިންގ ޑޮކިއުމަންޓްތައް މިނިސްޓްރީއަށް ފޮނުވާނީ، ތިރީގައިވާ 2 (ދޭއް) ގޮތުންކުރެ ގޮތަކަށެވެ.

  1. ސެންޓްރަލް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ފައިސާ ދެއްކުމަށް ލައިވްކޮށްފައިވާ އޮފީސްތަކުގެ ޕޭމަންޓް ވައުޗަރުތައް މިނިސްޓްރީއަށް ފޮނުވާނީ، އެ މިނިސްޓްރީން ކަނޑައަޅާ ސޮފްޓްވެއަރއެއް މެދުވެރިކޮށެވެ. މި ސޮފްޓްވެއަރ ބޭނުންނުކުރެވޭފަދަ ހާލަތެއް ދިމާވެއްޖެނަމަ، ޕޭމަންޓް ވައުޗަރުތައް ފޮނުވާނީ، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން، މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
  2. ސެންޓްރަލް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ފައިސާ ދެއްކުމަށް މެނުއަލްކޮށް ޕޭމަންޓް ވައުޗަރާއި އެއާ ގުޅޭ ލިޔުންތައް މިނިސްޓްރީއަށް ފޮނުވަންވާނީ، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސޮފްޓްވެއަރ ލައިވްކޮށްފައިނުވާ އެކައުންޓުތަކުގެ ހަރަދުތަކަށެވެ.

(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް ފޮނުވާ ވައުޗަރ ސޮފްޓްވެއަރގައި ޕާކްކުރާއިރު (އެންޓަރކުރާއިރު) އެއާ ގުޅޭ ހުރިހާ ލިޔުންތައް އެޓޭޗްކުރުމަކީ، ޕާކްކުރާ މުވައްޒަފެއްގެ ޒިންމާއެކެވެ. އަދި ޕާކުކުރާއިރު، އެޓޭޗްކުރަންޖެހޭ ހުރިހާ ލިޔުންތައް އެޓޭޗްކުރެވިފައިވޭތޯއާއި، ސޮފްޓްވެއަރގައި ހަރަދުތައް ބާކީކުރެވެމުންދަނީ ވައުޗަރުގައިވާ ކޯޑުތަކުންތޯއާއި، ފައިސާ ދެއްކުމަށް ސިސްޓަމުގައި ނެގިފައިވަނީ ރަނގަޅު ވެންޑަރތޯއާއި، އެންޓަރ ކުރެވިފައިވަނީ ފައިސާގެ ރަނގަޅު އަދަދުތޯއާއި، ރަނގަޅު ބިލު ނަންބަރުތޯ ބަލަންވާނެއެވެ.

(ރ) ސިސްޓަމް މެދުވެރިކޮށް ހުއްދަދޭ ފަރާތްތައް ހުއްދަދިނުމުގެ ކުރިން އެ ހަރަދަކާ ގުޅޭ ހުރިހާ ލިޔުންތައް ފުރިހަމަކޮށްފައިވޭތޯ ބެލުމަށްފަހުގައި މެނުވީ ސިސްޓަމް މެދުވެރިކޮށް ހުއްދަދީގެން ނުވާނެއެވެ.

 

6.04 ވަނަ މާއްދާ - ޕޭމަންޓް ވައުޗަރުން ހަރަދުކުރުން

(ހ) ޕޭމަންޓް ވައުޗަރު ބޭނުންކޮށްގެން ދައުލަތުގެ ފައިސާ ހަރަދުކޮށް ބެލެހެއްޓުމުގައި ތިރީގައިވާ ލިޔެކިޔުންތައް ރަނގަޅަށް ބަލަހައްޓަންވާނެއެވެ.

  1. ޕޭމަންޓް ވައުޗަރު
    1.1 ޕޭމަންޓް ވައުޗަރަކީ ފައިސާ ހަރަދުކުރުމާއި ފައިސާ ހަވާލުކުރުމަށް ތައްޔާރުކުރެވޭ، ފައިސާ ލިބިގަތުމަށް ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކުގެ ހުލާސާ ލިޔުމެކެވެ. ފައިސާ ހަރަދުކުރުމުގެ ވައުޗަރު ބޭނުންކޮށްގެން ފައިސާ ހަރަދުކުރެވޭނީ އެކަމަށް ހުއްދަކުރުމުންނެވެ.
    1.2 ކޮންމެ އެކައުންޓަކުން ހަރަދުކުރުމަށް ބޭނުންކުރަންވާނީ، ވަކި ވައުޗަރެވެ. އެ އެކައުންޓަކުން ހަރަދުކުރުމަށް ބޭނުންކުރާ ވައުޗަރުގައި ތަރުތީބުން ވައުޗަރު ނަންބަރު ޖަހަންވާނެއެވެ. ކޮންމެ އެކައުންޓެއްގެ ވައުޗަރު ނަންބަރު ޖެހުމުގައި، މާލީއަހަރު ނިމުމުން، އައު އަހަރުގެ ބަޖެޓުން ކުރާ ހަރަދެއް ނަމަ ފަށަންވާނީ، 1 (އެކެއް) އިންނެވެ. ފައިސާ ހަރަދުކުރުމުގެ ވައުޗަރު ޗާޕުކޮށްފައި ބަހައްޓާނަމަ ޗާޕުކުރަންވާނީ، އަސްލަކާއި 2 (ދޭއް) ކޮޕީ ހިމެނޭ ގޮތަށެވެ.
    1.3 މިނިސްޓްރީން ހިސާބު ބަލަހައްޓަމުންގެންދާ "ޕަބްލިކް އެކައުންޓިންގ ސިސްޓަމް" ގައި ޕޭމަންޓް ވައުޗަރު އޮންނަންޖެހޭ ގޮތާއި، ޕޭމަންޓް ވައުޗަރު ފުރިހަމަކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވާ ޕޭމަންޓް ވައުޗަރުގެ ފޯމެޓާއި، ޕޭމަންޓް ވައުޗަރު ތައްޔާރުކުރާނެ ގޮތް ބަޔާންކޮށްފައިވާ ލިޔުން MG/BC04 ގައި ވާނެއެވެ. ދައުލަތުގެ ހުރިހާ އޮފީސްތަކުންވެސް ފައިސާ ހޯދުމަށް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނީ، މި ސިސްޓަމުގައިވާ ގޮތުގެ މަތީން ޕޭމަންޓް ވައުޗަރު ފުރިހަމަކޮށްގެންނެވެ.
  2. ޕޭމަންޓް ވައުޗަރު ރަޖިސްޓަރީ

(ހ) ޕޭމަންޓް ވައުޗަރު ރަޖިސްޓަރީ ބޭނުންކުރަންވާނީ، ޕޭމަންޓް ވައުޗަރު ތައްޔާރު ކުރުމަށްފަހު، ވައުޗަރުގެ ނަންބަރު ތަރުތީބުން ރިކޯޑު ކުރުމަށެވެ. މި ރަޖިސްޓަރީގައި، ތިރީގައިވާ މައުލޫމާތު އެނގެން އޮންނަންވާނެއެވެ.

  1. ވައުޗަރުގެ ތާރީހު؛
  2. ތައްޔާރުކުރެވޭ ހުރިހާ ވައުޗަރެއް، ނަންބަރު ތަރުތީބުން؛
  3. އެ ހަރަދެއްގެ ތަފުސީލު؛ 
  4. އެ ވައުޗަރެއްގައިވާ ހަރަދުގެ ކޯޑުތަކާއި، ސަބްކޯޑާއި، ފައިސާގެ އަދަދު؛
  5. އެ ހަރަދެއް ކުރި ޗެކު ނަންބަރާއި، ޗެކުގެ ތާރީހާއި، ޗެކުގެ ފައިސާގެ އަދަދު.

(ށ) ޕޭމަންޓް ވައުޗަރު ރަޖިސްޓަރީގެ ނަމޫނާއެއް، MG/BC07 މި މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައި ވާނެއެވެ.

 

3. ޗެކު ރަޖިސްޓަރީ

ޕޭމަންޓް ވައުޗަރު ނިޒާމެއްގައި ޗެކު ރަޖިސްޓަރީއެއް އޮންނަންވާނެއެވެ. ޗެކު ރަޖިސްޓަރީއެއްގެ އެންމެބޮޑު ބޭނުމަކީ، ފައިސާ ހަރަދުކުރާ އެކައުންޓު ބާކީކުރުމާއި، އެކައުންޓުން ކުރަމުންދާ ހަރަދުގެ މައުލޫމާތު އެނގެން އޮތުމާއި، ޗެކު ނަންބަރާއި ވައުޗަރު ނަންބަރު ތަރުތީބުން އެނގެން އޮތުމެވެ. ޗެކު ރަޖިސްޓަރީ އޮންނަންވީ ގޮތުގެ ނަމޫނާ، MG/BC08 މި މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައި ވާނެއެވެ. (ނޯޓް: މިނަންބަރުގެ (ހ) އެއް ހިމެނިފައިނުވަނީ އޮޅުމަކުން ކަމަށް ބެލެވޭ)

(ށ) ޕޭމަންޓް ވައުޗަރު ބޭނުންކުރުމުގައި ތިރީގައިވާ ކަންތައްތައް ކުރަންވާނެއެވެ.

  1. ފައިސާ ދޭންޖެހޭކަމުގެ އަސްލު ލިޔުންތައް ހޯދައި ހަމަކުރުން؛
  2. ޕޭމަންޓް ވައުޗަރާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް މުވައްޒަފުންނާ ހަވާލުކޮށް، އެ ތަނެއްގައި އެ މަސައްކަތް ހިންގޭނެ އިންތިޒާމު ހަމަޖެހިފައިއޮތުން.

 

6.05 ވަނަ މާއްދާ - ޕޭމަންޓް ވައުޗަރުގެ މަސައްކަތް މުވައްޒަފުންނާ ހަވާލުކުރުން

ޕޭމަންޓް ވައުޗަރު ތައްޔާރުކުރުމުގެ ކަންތައްތައް ރާވައި ހިންގުމުގައި، ތިރީގައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

(ހ) ފައިސާއާބެހޭ މަސައްކަތް، ތަނުގައި މުވައްޒަފުން ތިބި ނިސްބަތަކުން މުވައްޒަފުންގެ ތެރޭގައި މަސައްކަތް ބަހައިލައިގެން، އެކަކަށް އެއްކަހަލަ މަސައްކަތް ތަކުރާރުނުވާނެ ގޮތަށް މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުން.

(ށ) ފައިސާއާބެހޭ މުއާމަލާތްތައް ހިންގުމުގައި، ފެށުނީއްސުރެ ނިމެންދެން ކުރަންޖެހޭ ހުރިހާ ކަމެއް އެކަކު ކުރާގޮތަށް މުވައްޒަފުންނާ މަސައްކަތް ހަވާލުނުކުރުން.

(ނ) ތަކެތި ހޯދުމާއި، ހޯދޭ ތަކެއްޗަށް ފައިސާ ދެއްކުމާއި، ހަރަދުކުރެވޭ ފައިސާއާބެހޭ ރިކޯޑުތައް ބެލެހެއްޓުމުގެ މަސައްކަތް ތަފާތު މުވައްޒަފުންނާ ހަވާލުކޮށްގެން ކުރާގޮތަށް ހަމަޖެއްސުން.

(ރ) ދައުލަތުގެ އޮފީސްތަކުގެ މަސައްކަތުގެ ކުޑަބޮޑުމިނަށާއި، ހޭދަކުރާ ފައިސާގެ އަދަދާއި، ޓްރާންސެކްށަނުގެ އަދަދާއި، ޓްރާންސެކްށަނުގެ ބާވަތަށް ބަލާއިރު، އެކި އޮފީސްތަކުގައި ކޮންމެހެން ބަލަހައްޓަންޖެހޭ ކޮންޓްރޯލްތައް ތަފާތުވާނެތީ، އެ ކަންތައްތަކަށް ބަލައިގެން އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާއަށް ފެންނަ ގޮތެއްގެ މަތީން މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުން.

 

6.06 ވަނަ މާއްދާ - ފައިސާ ހަރަދުކުރުމަށް ވައުޗަރުން ހުއްދަދިނުން

އެއްވެސް ފައިސާއެއް ހަރަދުކުރުމަށް ހުއްދަ ދޭންވާނީ، ޕޭމަންޓް ވައުޗަރާއެކު ހުންނަންޖެހޭ ހުރިހާ ލިޔުންތަކެއް ފުރިހަމަކުރުމަށްފަހު، ފައިސާ ހަރަދުކުރުމުގެ ވައުޗަރާއެކު އެ ލިޔުންތައް ހަމަޔަށް ހުރެގެންނެވެ. ހުއްދަދިނުމުގައި މަސްއޫލިއްޔަތު އުފުލަންވާނީ، އޮތޮރައިޒިންގ އޮފިސަރު ނުވަތަ އެ ވަގުތަކު އެކަމާ ހަވާލުވެހުރި އިސްވެރިޔެކެވެ. އަދި ހުއްދަދިނުމަށްފަހު ފައިސާ ހަރަދުކުރުމުގައި ބަލަންޖެހޭ ބެލުންތަކާބެހޭ ފޯމުގެ ކަމާބެހޭ ގޮޅި ފުރަންވާނެއެވެ. ދެވަނަ ސޮއިކުރާ މީހާވެސް މިކަމުގައި ޒިންމާ އުފުލަންވާނެއެވެ.

 

6.07 ވަނަ މާއްދާ - ފައިސާއާއި މުދަލާބެހޭ ލިޔުންތަކުގައި ސޮއިކުރުން

ފައިސާއާއި މުދަލާބެހޭ ލިޔުންތަކުގެ ތެރެއިން ސޮއިކުރަންޖެހޭ ކޮންމެ ލިޔުމެއްގައި ސޮއިކޮށްފައި، ސޮއިގެ ތިރީގައި ނުވަތަ ކައިރީގައި ސޮއިކުރި މީހާގެ ނަމާއި ސޮއިކުރި ތާރީހު އެނގޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ.

 

6.08 ވަނަ މާއްދާ - ފައިސާއާބެހޭ ފޮތްތަކާއި ލިޔުންތައް ބެލެހެއްޓުމާއި ފައިލުކުރުން

(ހ) ފައިސާއާބެހޭ ފޮތްތައް ބަލަހައްޓާނީ، އެކައުންޓްސް އޮފިސަރު ނުވަތަ އެ މަސައްކަތާ ހަވާލުވެހުރި މުވައްޒަފެކެވެ. އަދި މި މަސައްކަތާ ގުޅޭގޮތުން އެ އޮފީހަކުން ހަދަންޖެހޭ ހުރިހާ ރިޕޯޓުތަކެއް ހެދުމުގެ ޒިންމާ އުފުލަންޖެހޭނީ، އެކައުންޓްސް އޮފިސަރު ނުވަތަ އެ މަސައްކަތެއް ހަވާލުކޮށްފައިވާ މުވައްޒަފެކެވެ.

(ށ) ފައިސާއާބެހޭ ލިޔުންތައް ރަނގަޅަށް ބެލެހެއްޓުމަށް ޓަކައި، ފައިސާއާބެހޭ ލިޔުންތައް ފައިލުކުރުމުގެ ސިސްޓަމެއް، ދައުލަތުގެ އޮފީސްތަކުގައި ގާއިމުކޮށްފައި އޮންނަންވާނެއެވެ. މިގޮތުން، އެންމެ މަދުވެގެން ވެސް، ތިރީގައިވާ ފައިލުތައް ތައްޔާރުކޮށް، ލިޔުންތައް ފައިލުކުރަމުން ގެންދަންވާނެއެވެ.

 

(1) ފައިސާ ނުދައްކައިހުރި ބިލުތައް

ފައިސާ ނުދައްކައިހުރި ބިލުތައް ފައިލުކުރާ ފައިލުގައި ބަހައްޓާނީ، ފައިސާ ހަރަދުކުރުމުގެ ވައުޗަރު ހަދައިފައި ހުރިނަމަވެސް، ފައިސާ ނުދައްކައިހުރި ބިލުތަކެވެ. މި ފައިލު ކްރެޑިޓަރުންގެ ނަމަށް ނުވަތަ މުދާ ދޫކުރި ފަރާތްތަކުގެ ނަމަށް ބަލައިފައި ނުވަތަ ތާރީހު ނުވަތަ މި ނޫން ތަރުތީބަކުން ފައިލު ކުރަންވާނެއެވެ.

 

(2) ފައިސާ ދައްކައިފައިހުރި ބިލުތައް

މި ފައިލުގައި ފައިލުކުރާނީ، ފައިސާ ދައްކައިފައިވާ ބިލުތައް އޭގެ ހަރަދު ވައުޗަރު ނަންބަރު ތަރުތީބުންނެވެ. ވައުޗަރާއެކު ފައިސާ ހަރަދުކުރުމުގައި ބަލަންޖެހޭ ބެލުންތަކާބެހޭ ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުންތައް ހުންނަންވާނެއެވެ. ފައިލުކުރާއިރު ވައުޗަރާއެކު ތިރީގައިވާ ލިޔުންތައް އެއްކޮށްފައި ހުންނަންވާނެއެވެ.

  • މުދާ ގަންނަން އެދޭ ފޯމު
  • މުދަލަށް އޯޑަރުކުރާ ފޯމު
  • އިންވޮއިސް / ބިލު
  • ޕޭމަންޓް ވައުޗަރު
  • އެ ހަރަދަކާ ގުޅޭގޮތުން ކޮންމެހެން ހުންނަންޖެހޭ ލިޔުންތައް

 

(3) ފައިސާ ހަރަދުކުރުމުގައި ބަލަންޖެހޭ ބެލުންތަކާބެހޭ ފޯމުތަކުގެ ފައިލު

މި ފައިލާ ހަވާލުވެ ހުންނަންޖެހޭނީ، ޕްރިންސިޕަލް އެކައުންޓްސް އޮފިސަރު ނުވަތަ މާލީ ޒިންމާދާރު ވެރިޔާއެވެ. އަދި މި ފޯމުގައިވާ ހުރިހާ ގޮޅިތަކެއް ފުރިހަމަވުމުން، ފައިލުކުރުމަށް ކަމާބެހޭ މުވައްޒަފަކާ ފޯމު ހަވާލުކުރަންވާނެއެވެ. ކޮންމެ ވައުޗަރެއް ފައިލުކުރެވޭއިރު، މި ފޯމު ފުރިހަމަކުރުމަށްފަހު، ޕްރިންސިޕަލް އެކައުންޓްސް އޮފިސަރު ނުވަތަ މާލީ ޒިންމާދާރު ވެރިޔާއާ ހަވާލުކުރަންވާނެއެވެ. މި ފޯމު ފައިލުކުރާނީ، ފޯމުގެ ތަރުތީބު ނަންބަރުންނެވެ.
 

6.09 ވަނަ މާއްދާ - ދައުލަތުގެ މުދަލާއި ފައިސާގެ ރައްކައުތެރިކަން ކަށަވަރުކުރުން

(ހ) ދައުލަތުގެ މަސްއޫލު އޮފީހުގެ ބެލުމުގެ ދަށުގައިވާ ދައުލަތުގެ ފައިސާއާއި މުދާ ރައްކައުތެރިކޮށް ބެލެހެއްޓުމަށް މާލީ ޒިންމާދާރު ވެރީންނަށް މަގުފަހިކޮށްދިނުމަށް އެކައުންޓަންޓް ޖެނެރަލް މަސައްކަތްކުރަންވާނެއެވެ.

(ށ) މި ގަވާއިދުގައި ދައުލަތުގެ މުދަލާއި ފައިސާއާއި ހިސާބުތައް ގެންގުޅުމާއި ރައްކައުތެރިކަމާއެކު ބެލެހެއްޓުމާ ބެހޭގޮތުން ދީފައިވާ އިރުށާދުތައް، މާލީ ޒިންމާދާރު ވެރީންނަށް ރަނގަޅަށް އެނގެންވާނެއެވެ. އަދި މި އިރުށާދުތަކުގެ ކޮޕީ، މުވައްޒަފުންނަށް ލިބެން ހުންނަންވާނެއެވެ. އަދި ފައިސާ ގެންގުޅުމާއި، ސެކިއުރިޓީއާ ގުޅުންހުރި ސްޓޭށަނަރީ ބެލެހެއްޓުމާ ބެހޭގޮތުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރަމުން ގެންދޭތޯ މާލީ ޒިންމާދާރު ވެރިޔާ ބަލަންވާނެއެވެ.

(ނ) ކޮންމެ މާލީ ޒިންމާދާރު ވެރިއެއްގެ ބެލުމުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން ޖަވާބުދާރީކުރުވުމާއި ކޮންޓްރޯލްކުރުމަކީ، މާލީ ޒިންމާދާރު ވެރީން ކުރަންޖެހޭނެ ކަމެކެވެ.

(ރ) ދައުލަތުގެ އޮފީސްތަކުގެ ބެލުމުގެ ދަށުގައި ހުންނަ އިމާރާތް، އުޅަނދު، ސްޓޮކް، ފަރުނީޗަރު، އިކުއިޕްމަންޓް، ފައިސާ، ހިސާބުތަކާއި ލިޔުންތައް، އަދި މިނޫންވެސް ފައިސާއާއި މުދަލުގެ ގޮތުގައި ހިމެނޭ ތަކެތި ހުރިހާ ވަގުތުތަކެއްގައި ވެސް ރައްކައުތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު، މާލީ ޒިންމާދާރު ވެރިޔާ ހަމަޖައްސަންވާނެއެވެ.

(ބ) ދައުލަތުގެ އޮފީސްތަކުގެ މެއިންސާވަރ ސިސްޓަމަކީ އެ އޮފީހެއްގެ ހުރިހާ ޑޮކިއުމަންޓްތަކެއް ރައްކައުކޮށް ބަލަހައްޓާ ސިސްޓަމް ކަމުގައިވާތީ، އެ ސިސްޓަމް އޮޕަރޭޓްކޮށް ބެލެހެއްޓުން، ކަމުގެ ތަޖުރިބާހުރި ހާއްސަ މުވައްޒަފަކަށް ނުވަތަ މުވައްޒަފުންތަކަކަށް ހަވާލުކޮށްފައި އޮންނަންވާނެއެވެ. އަދި ސާވަރ ސިސްޓަމުގައިވާ ޑޮކިއުމަންޓްތަކުގެ ބެކަޕް ހަދައިފައި ހުންނަންވާނެއެވެ. އަދި ސާވަރ ސިސްޓަމް ހުންނަންވާނީ، އެކަމަށް ހާއްސަކޮށްފައިވާ، އެ ސިސްޓަމް ހަވާލުކޮށްފައިވާ މުވައްޒަފުންނަށް ނޫނީ ނުވަދެވޭގޮތަށް ހުންނަ، ތަޅުލެވޭ ވަކި ތަނެއްގައެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން ބެކަޕް ހަދައި ބެލެހެއްޓުމުގައި އަމަލުކުރަންވާނީ، ސަރުކާރުގެ ކަމާބެހޭ އޮފީހުން އަންގާ ގޮތެއްގެ މަތީންނެވެ.

 

6.10 ވަނަ މާއްދާ - ހަރަދުކުރުމަށް އިންކާރުކުރެވޭ ހާލަތްތައް

ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، މި ގަވާއިދާއި، އަދި މިނޫންވެސް ގާނޫނަކާއި ގަވާއިދަކާ ހިލާފަށް ނުވަތަ ހަރަދުކުރުމަށް ދީފައިވާ އިރުށާދުތަކާ ހިލާފަށް އެއްވެސް ހަރަދެއް ކުރާނަމަ، އެ ހަރަދެއް ކުރުން ހުއްޓުވުމުގެ އިހުތިޔާރު، އެކައުންޓަންޓް ޖެނެރަލްއަށް ލިބިގެންވެއެވެ.

 

6.11 ވަނަ މާއްދާ - އެކިއެކި ފަރާތްތަކަށް ފައިސާ ހަވާލުކުރުން

(ހ) ފައިސާ ހަވާލުކުރުމަކީ، ދައުލަތުން ހޯދައިފައިވާ ހިދުމަތަކަށް ނުވަތަ ކުރުވައިފައިވާ މަސައްކަތަކަށް ނުވަތަ ހޯދައިފައިވާ އެއްޗަކަށް ނުވަތަ އެއްބަސްވުމެއްގެ ދަށުން އެޑްވާންސްކޮށް ދޭންޖެހޭ ފައިސާ، ނުވަތަ މުވައްޒަފުންނަށް ހަވާލުކުރަންޖެހޭ ފައިސާ، ނުވަތަ މިނޫންވެސް ގޮތަކުން ދައުލަތުން އެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ފައިސާ، އެ ފައިސާ ލިބެންވާ ފަރާތަކަށް ނުވަތަ ފަރާތްތަކަށް ހަވާލުކޮށް އެކަން ކަށަވަރުކުރުމެވެ. މިގޮތުން ފައިސާ ހަވާލުކުރެވޭނީ، އެކައުންޓް ޓްރާންސްފަރއިން، ނުވަތަ ޗެކުން، ނުވަތަ ނަގުދުފައިސާއިންނެވެ.

(ށ) އެކި ފަރާތްތަކަށް ދެއްކުމަށް އެކައުންޓުން ނަގާ ނަގުދުފައިސާ، މަގުބޫލު ސަބަބެއް މެދުވެރިނުވާނަމަ، އެ ފައިސާ ނަގާތާ ލަސްވެގެން ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކޮށް ނިންމަންވާނެއެވެ.

(ނ) އެކި ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަދާ ޗެކުތައް، ޗެކު ހަދާ ތާރީހުން ފެށިގެން، އެންމެ ލަސްވެގެން ވެސް، ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ޗެކު ހަވާލުކުރަންޖެހޭ ފަރާތަކާ ހަވާލުކުރަންވާނެއެވެ.

(ރ) ސެންޓްރަލް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް އެކައުންޓް ޓްރާންސްފަރއިން ފައިސާ ދައްކާނަމަ، ދައުލަތުގެ އޮފީސްތަކުން ފޮނުވާ ޕޭމަންޓް ވައުޗަރު މިނިސްޓްރީއަށް ލިބުމުން، ޓްރާންސްފަރ ހެދުމަށް ބޭންކަށް ފޮނުވުމަށްފަހު، އެ ފައިސާ ލިބެންވާ ފަރާތަށް އެކަން އަންގަންވާނެއެވެ.

(ބ) ސެންޓްރަލް ޕޭމަންޓް ސިސްޓަމް މެދުވެރިނުކޮށް އެކައުންޓް ޓްރާންސްފަރއިން ފައިސާ ދައްކާނަމަ، ޕޭމަންޓް ވައުޗަރު ތައްޔާރުކޮށް، ފައިސާ ޓްރާންސްފަރކުރުމަށް ބޭންކަށް ފޮނުވަންވާނެއެވެ. އަދި ފައިސާ ލިބެންވާ ފަރާތަށް އެކަން އަންގަންވާނެއެވެ.

(ޅ) އެކައުންޓަންޓް ޖެނެރަލް ދޭ ހުއްދައެއްގެ ދަށުން މެނުވީ، ފައިސާ ދެއްކުމަށް ޓަކައި ތައްޔާރުކުރެވޭ ހުރިހާ ޗެކުތަކެއް ވެސް ތައްޔާރުކުރަންވާނީ، "އެކައުންޓް ޕޭއީ އޮންލީ" ނުވަތަ "ނޮޓް ނެގޯށިއަބަލް" ޖެހުމަށްފަހު، ފައިސާ ލިބެންވާ ފަރާތް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ފައިސާ ނުނެގޭނެ ގޮތަށެވެ.

(ކ) ހުރިހާ ޗެކެއްގައި ވެސް ސޮއިކުރަންވާނީ، އެކައުންޓަންޓް ޖެނެރަލް ހުއްދަދޭ ވެރިޔަކު އެކައުންޓަންޓް ޖެނެރަލް އަންގާ ގޮތެއްގެ މަތީންނެވެ. މިގޮތުން އިލެކްޓްރޯނިކް ސިގްނެޗަރ ނުވަތަ މެނުއަލްކޮށް ސޮއިކޮށްގެން ޗެކު ދޫކުރެވިދާނެއެވެ.

(އ) އަނބުރާ ލިބޭ ޗެކުތަކާއި، ހަވާލުނުވެ ހުރި ޗެކުތަކާއި، މުއްދަތު ހަމަވެފައިހުރި ޗެކުތަކާއި، އަނބުރާ ލިބޭ އިލެކްޓްރޯނިކް ފަންޑް ޓްރާންސްފަރތަކުގެ ރަޖިސްޓަރީއެއް ބަލަހައްޓަންވާނެއެވެ.

(ވ) އަނބުރާ ލިބޭ ނުވަތަ ހަވާލުނުވެހުރި ޗެކު ލިބެންވާ ފަރާތް އެ ވަގުތަކު ދިރިއުޅޭ އެޑްރެސް ސާފުނުވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަނބުރާ ލިބިއްޖެނަމަ، އަދި އިލެކްޓްރޯނިކް ފަންޑް ޓްރާންސްފަރގެ ގޮތުގައި ދައްކާ ފައިސާއެއް އަނބުރާ ލިބިއްޖެނަމަ، އެ ކްރެޑިޓަރެއްގެ ސައްހަ ބޭންކް އެކައުންޓު ނަންބަރު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ.

(މ) އަނބުރާ ލިބޭ ޗެކުތަކާއި، ހަވާލުނުވާ ޗެކުތަކާއި، އިލެކްޓްރޯނިކް ފަންޑް ޓްރާންސްފަރއިން ދައްކާ ފައިސާ އަނބުރާ ލިބުމުން، އެ ފައިސާ ލިބެންޖެހޭ ފަރާތަކާ ގުޅުމަށް މަސައްކަތްކޮށް އެ ފަރާތަކާ ގުޅޭގޮތް ނުވެއްޖެނަމަ، އެ ފައިސާ "ރިސިޕްޓްސް އިން ސަސްޕެންސް ރިޓަރންޑް ޕޭމަންޓްސް" އެކައުންޓަށް ޖަމާކުރަންވާނެއެވެ.

(ފ) މުއްދަތު ހަމަވެފައިވާ ޗެކުތައް ޓްރަސްޓް ފަންޑުގެ "ރިސިޕްޓްސް އިން ސަސްޕެންސް ސްޓޭލް ޗެކް" އެކައުންޓަށް ޕޯސްޓްކުރަންވާނެއެވެ.

(ދ) "ރިސިޕްޓްސް އިން ސަސްޕެންސް" އެކައުންޓުގައި ހުންނަ ފައިސާ، އެ އަހަރު ނިމޭއިރު ވަކިގޮތަކަށް ނުނިމިއްޖެނަމަ، މިނިސްޓްރީއަށް ލިޔެގެން، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް އެ ފައިސާ ޓްރާންސްފަރ ކުރަންވާނެއެވެ.

 

6.12 ވަނަ މާއްދާ - ޗެކުގެ ބަދަލުގައި އަލުން ޗެކު ދޫކުރުން

(ހ) ކުރިން ދޫކޮށްފައިވާ ޗެކެއްގެ ބަދަލުގައި، އަލުން ޗެކެއް ދޫކުރެވިދާނެއެވެ. އަލުން ޗެކު ދޫކުރުމުގައި، ކުރިން ދޫކުރި ޗެކަށް ވެފައިވާ ގޮތް ރަނގަޅަށް ބަލައި ޗެކުކުރަންވާނެއެވެ.

(ށ) ފައިސާ ލިބެންވާ ފަރާތާ ހަވާލުކުރެވިފައިވާ ޗެކެއް ގެއްލިގެން ނުވަތަ ހަލާކުވެގެން އަންގައިފިނަމަ، އެ ޗެކަށް ފައިސާ ނެގުން ހުއްޓުވުމަށް ޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ވަގުތުން ކުރަންވާނެއެވެ. އަދި ތިރީގައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

  1. ޗެކަށް ފައިސާ ނަގައިފައި ނުވާނަމަ، އެ ފަރާތަށް އަލުން އައު ޗެކެއް ދޫކުރުން؛
  2. ބޭންކުން އެ ޗެކަށް ފައިސާ ދޫކޮށްފައިވާނަމަ، އެ ފައިސާ އަލުން ދޫކޮށްދެވެން ނެތްކަން، ޗެކު ލިބެންވީ ފަރާތަށް އެންގުން.

(ނ) ދޫކޮށްފައިވާ ޗެކެއް، ފައިސާ ލިބެންވާ ފަރާތަށް ލިބިފައި ނުވާކަމަށް ބުނާނަމަ، އެ ޗެކު ކެންސަލްކުރުމަށް ވަގުތުން ބޭންކަށް އަންގަންވާނެއެވެ. އަދި ބޭންކުން އެ ފައިސާ ދޫކޮށްފައި ނުވާނަމަ، އަލުން ޗެކެއް އެ ފަރާތަށް ދޫކުރަންވާނެއެވެ.

(ރ) ޗެކު ލިބެންވާ ފަރާތުން ޗެކު ލިބިފައި ނުވާކަމަށް ނުވަތަ މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަމެއް މެދުވެރިވެއްޖެކަމަށް ބުނާއިރު ބޭންކުން އެ ފައިސާ ދޫކޮށްފައިވާނަމަ، އެ ޗެކު ލިބިފައި ނުވާކަމަށާއި، އެ ޗެކާ ހަވާލުވުމުގެ ހުއްދަ އެހެން ފަރާތަކަށް ދީފައި ނުވާނެކަމަށް ޗެކު ލިބެންވާ ފަރާތުން ލިޔުމަކުން އަންގަންވާނެއެވެ. އަދި އެ ޗެކަށް ވީގޮތެއް ބަލައި، ފައިސާ ނަގައިފައިވާ މައްސަލަ، ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ބަލަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ލިޔުން އެކައުންޓަންޓް ޖެނެރަލަށް ލިބުމުން، އެކަމުގައި ފައިސާ ލިބެންވާ ފަރާތުން އޮޅުވައިލައިފައިވާކަމަށް ނުފެންނަނަމަ، އަލުން ޗެކެއް ދޫކުރުމުގެ ކަންތައް ހަމަޖައްސަންވާނެއެވެ.

(ޅ) ޗެކު ލިބިފައިނުވާކަމަށް ބުނާ ފައިސާ އަލުން އަނބުރާ އެ ފަރާތަށް ދޭންޖެހޭނަމަ، މި ފައިސާ ހަރަދުކުރާނީ، މި ފައިސާ ކުރިންވެސް ނަގައިފައިވާ އައިޓަމުންނެވެ.

(ކ) ކުރިން ދޫކޮށްފައިވާ ޗެކުގެ ފައިސާ، އެ ޗެކު ދޫކޮށްފައިވާ ބޭންކަކުން ނުވަތަ އެ ފަރާތަކުން ނުވަތަ އެ ވިޔަފާރިއަކުން އަނބުރާ ހޯދަންވާނެއެވެ.
 

6.13 ވަނަ މާއްދާ - ޗެކުން ފައިސާ ދޫކުރުމާއި، ޗެކަށް ފައިސާ ނެގުން

(ހ) ސެންޓްރަލް ޕޭމަންޓް ސިސްޓަމް މެދުވެރިނުކޮށް ޗެކުން ފައިސާ ދޫކުރެވޭނީ، އެކައުންޓަންޓް ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ށ) ސެންޓްރަލް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ދޫކުރާ ޗެކުތައް ފިޔަވައި ދޫކުރަންޖެހޭ އެހެން ޗެކުތަކުގައި ސޮއިކުރާއިރު، ޗެކުގެ ކައުންޓަރފޮއިލުގައި، އެ ޗެކެއްގައި ސޮއިކުރި ވެރިޔަކު ސޮއިކުރަންވާނެއެވެ. އަދި ޗެކާއި ކައުންޓަރފޮއިލުގައި ލިޔެފައިވާ އަދަދު އެއްގޮތްތޯއާއި، ކައުންޓަރފޮއިލުގައި ފުރިހަމަކުރަން ހުންނަ ބައިތައް ފުރިހަމަކޮށްފައިވޭތޯ ރަނގަޅަށް ބަލަންވާނެއެވެ.

(ނ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނުވަތަ ބޭންކަކުން ފައިސާ ނެގުމަށް ހަދާ ޗެކުތަކުގައި، އެ ތަނެއްގެ ނަމާއި، ފައިސާ ނަގަން ފޮނުވާ މުވައްޒަފުގެ ނަން އޮންނަންވާނެއެވެ.

(ރ) ދައުލަތުގެ އޮފީސްތަކުން ހަދާ ޗެކުތަކުގެ ތެރެއިން 25,000 (ފަންސަވީސް ހާސް) ރުފިޔާއިން ފެށިގެން މަތީ އަދަދުތަކުގެ ޗެކުތަކުގައި ސޮއިކުރުމަށް ހުއްދަ އޮންނަ ވެރިންގެ ތެރެއިން ދެ މީހަކު ޗެކުގައި ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ބ) ދައުލަތުގެ އޮފީސްތަކުން ހަދާ ޗެކުގައި ޖެހުމަށް ހާއްސަ ތައްގަނޑެއް ހަދައި، ޗެކު ދޫކުރަންވާނީ، އެ ތައްގަނޑު ޖަހައިފައެވެ. މި ތައްގަނޑު ބާއްވާނީ، ޗެކުގައި ސޮއިކުރުމުގެ ހުއްދަ އޮންނަ ވެރިޔެއްގެ ބެލުމުގެ ދަށުގައެވެ. ނަހަދައި ހުންނަ ޗެކުތަކުގައި، ކުރިން ތައްގަނޑު ޖަހައިފައި ބަހައްޓައިގެން ނުވާނެއެވެ.

(ޅ) ޗެކުފޮތްތައް ބަހައްޓަންވާނީ، ފައިސާއެކޭ އެއްގޮތަށް ތިޖޫރީގައި ރައްކައުކޮށްފައެވެ. ޗެކުފޮތް ހުސްވުމަށްފަހު އޮންނަ ކައުންޓަރފޮއިލުތައް ވެސް ބަހައްޓަންވާނީ، ބޭނުން ކޮންމެ ވަގުތަކު ބެލޭނެގޮތަށް، ތަޅުލެވޭ ތަނެއްގައި ރައްކައުކޮށްފައެވެ.

 

6.14 ވަނަ މާއްދާ - ބޭރުފައިސާއިން ފައިސާ ދެއްކުން

(ހ) ރާއްޖެއިން ބޭރުން ހޯދާ ހިދުމަތަކަށް ނުވަތަ ގަންނަ އެއްޗަކަށް ބޭރުފައިސާއިން ފައިސާ ދެއްކިދާނެއެވެ. ބޭރުފައިސާއިން ކުރަންޖެހޭ ހަރަދުތަކަށް ފައިސާ ދޫކުރާނީ، ޑައިރެކްޓް ކްރެޑިޓަކުން ނުވަތަ އިލެކްޓްރޯނިކް ފަންޑް ޓްރާންސްފަރ ބޭނުންކޮށްގެންނެވެ.

(ށ) ރާއްޖެއިން ބޭރުން ހޯދާ ހިދުމަތަކަށް ނުވަތަ ގަންނަ އެއްޗެއްގެ އަގު އަދާކުރުމުގައި، އެ ހަރަދު ކުރަންޖެހޭ ފައިސާއަކުން ފައިސާ ދައްކާނީ، މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ނުވަތަ މިނިސްޓްރީން ހުއްދަދޭ، ރާއްޖޭގައި ގާއިމުވެފައިހުރި ބޭންކެއް މެދުވެރިކޮށެވެ.

(ނ) ފައިސާ ދެއްކުމުގައި، ފައިސާ ދައްކަންޖެހޭ އަދަދާއި، ބޭންކް ޗާޖާއި، އެ މުއާމަލާތަކާ ގުޅޭ ހުރިހާ ހަރަދެއް ހިމެނޭގޮތަށް، އެ ހަރަދު ކުރުމަށް ކަނޑައަޅައިފައިވާ އެކައުންޓަކުން ފައިސާ ދައްކަންވާނެއެވެ.

 

6.15 ވަނަ މާއްދާ - އޮންލައިން ބޭންކިންގ މެދުވެރިކޮށް ފައިސާ ދެއްކުން

(ހ) ދައުލަތުގެ އޮފީސްތަކުން ކުރަންޖެހޭ މާލީ މުއާމަލާތްތައް، އޮންލައިން ނުވަތަ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ކުރެވޭނީ، އެފަދަ ހިދުމަތެއްގައި ބައިވެރިވުމުގެ ކުރިން، އެ އޮފީހަކުން އެކަމަށް އެދި އެކައުންޓަންޓް ޖެނެރަލްގެ ހުއްދަ ލިޔުމަކުން ހޯދައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އޮންލައިން ނުވަތަ އިންޓަރނެޓް ބޭންކިންގގެ ހިދުމަތް ހޯދުމަށް ހުއްދަދެވިފައިވާ ފަރާތްތަކުން އެ ހިދުމަތް ހޯދަންވާނީ، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތީންނެވެ.

 

6.16 ވަނަ މާއްދާ - ޑެބިޓްކާޑާއި ކްރެޑިޓްކާޑުން ފައިސާ އަދާކުރުން

(ހ) ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތްތަކުގައި ބޭނުންކުރުމަށް މިނިސްޓަރުގެ ހުއްދަޔާއެކު ޑެބިޓްކާޑާއި ކްރެޑިޓްކާޑު އޮފީހުގެ ނަމުގައި ހެއްދިދާނެއެވެ. ކާޑު ބޭނުންކޮށްގެން ހަރަދުކުރެވޭނީ، ބަޖެޓު ކުރެވިފައިވާ ކަންތައްތަކަށް، މި ގަވާއިދުގައި ހުއްދަކުރާ ހަރަދުތަކަށެވެ. ކާޑު ބޭނުންކުރުމުގެ ހުއްދައަށް އެދި މިނިސްޓަރަށް ލިޔާއިރު، ފައިސާ ހަރަދުކުރަން ބޭނުންވާ ކަންތައްތަކާއި، އެންމެ ގިނަވެގެން ފައިސާ ހަރަދުކުރާނެ އަދަދެއް ބަޔާންކުރަންވާނެއެވެ.

(ށ) ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު ބޭނުންކޮށްގެން ކުރާ ހަރަދުތައް، އެ ހަރަދެއް ކޮށް ނިމޭތާ ނުވަތަ ސްޓޭޓްމަންޓް އޮފް އެކައުންޓް ލިބޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ހަރަދުތައް ބަޖެޓު ހިސާބުތަކުގެ ތެރޭގައި ހިމެނުމަށް ޓަކައި، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރަށް ކުރާ ދަތުރެއްގައި ނުވަތަ އެހެންވެސް ދަތުރެއްގައި ކާޑުން ކުރާ ހަރަދުތައް، އެ ދަތުރެއް ނިންމައިފައި އަންނަތާ ނުވަތަ ސްޓޭޓްމަންޓް އޮފް އެކައުންޓް ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅައި، ބަޖެޓު ހިސާބުތަކުގައި ހިމަނަންވާނެއެވެ.

(ނ) ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު ބޭނުންކޮށްގެން ގަވާއިދާ ހިލާފަށް ހަރަދުކުރާކަން ފާހަގަކުރެވިއްޖެނަމަ، ކާޑު އަތުލުމުގެ ނުވަތަ ކެންސަލްކުރުމުގެ އިހުތިޔާރު، އެކައުންޓަންޓް ޖެނެރަލަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގައިވާ ގޮތުގެ މަތީން ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުން ހިދުމަތް ހޯދަންވާނީ، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތީންނެވެ.

 

6.17 ވަނަ މާއްދާ - ފައިސާ ލިބެންވީ އަސްލު ފަރާތާ ފައިސާ ހަވާލުކުރުން

(ހ) ހަރަދަށް ނަގާ ފައިސާ ހަވާލުކުރަންވާނީ، އެ ފައިސާއެއް ލިބެންވީ އަސްލު ފަރާތާއެވެ. އެ ފައިސާ ލިބުން ހައްގުވާ ފަރާތް ފިޔަވައި އެހެން ފަރާތަކާ ފައިސާ ހަވާލުކުރަންވާނީ، އެ ފައިސާ ލިބެންވީ މީހާ ރަށުގައި ނެތުން، ނުވަތަ އެހެންވެސް ސަބަބަކާހުރެ އެ ފައިސާ ހަވާލުކުރަންޖެހޭ ވަގުތުގައި އެ މީހާއަށް ފައިސާއާ ހަވާލުވެވެން ނެތްނަމައެވެ. މިފަދަ ގޮތެއް ދިމާވެގެން އެ ފައިސާ އެހެން މީހަކާ ހަވާލުކުރެވޭނީ، އެ މީހަކާ އެ ފައިސާ ހަވާލުކުރުމަށް އެދި ފައިސާ ލިބެންވާ އަސްލު ފަރާތުން ސޮއިކޮށް، ފިންގަރޕްރިންޓް ޖަހައިފައިވާ ލިޔުމަކާއި، ފައިސާ ލިބެންވާ އަސްލު ފަރާތުގެ ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމެއްގެ ކޮޕީއެއް އޮވެގެންނެވެ.

(ށ) އޮފީހުގެ ފައިސާއާއި ފައިސާގެ ހިސާބުތަކާބެހޭ އެއްވެސް މުވައްޒަފަކަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނަމަވެސް، އެހެން މީހެއްގެ ބަދަލުގައި އޮފީހުގެ ފައިސާއެއް ހަވާލުކޮށްގެން ނުވާނެއެވެ.

(ނ) ހަރަދަށް ނަގާ ފައިސާ ހަވާލުކުރުމުގައި އެ ފައިސާ ބަލައިގަތް މީހާގެ ނަމާއި، ސޮޔާއި، ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމެއްގެ ނަންބަރު އޮންނަންވާނެއެވެ. އަދި އެ ފައިސާއެއް ލިބޭ ފަރާތަކީ ބިލު ނުވަތަ ރަސީދު ނުވަތަ އިންވޮއިސް ހަދާ ފަރާތެއްނަމަ، ބިލު ނުވަތަ ރަސީދު ނުވަތަ އިންވޮއިސް އޮންނަންވާނެއެވެ. ތައްގަނޑު އޮންނަ ތަނެއްނަމަ، ފައިސާ ލިބުނުކަމުގެ ތައްގަނޑާއި ފައިސާ ބަލައިގަތް ތާރީހު ޖަހައިފައި އޮންނަންވާނެއެވެ. ޑައިރެކްޓް ކްރެޑިޓަކުން ފައިސާ ދެއްކިނަމަ، ޑައިރެކްޓް ކްރެޑިޓުގެ ރިފަރެންސާއި، ޗެކަކުން ފައިސާ ދެއްކިނަމަ ޗެކު ނަންބަރު އެނގެން އޮންނަންވާނެއެވެ.

(ރ) އެއްވެސް ކަމަކަށް ދޭންޖެހޭ ފައިސާއެއް ދިނުމުގައި ދޭންޖެހޭވަރަށްވުރެ އިތުރަށް ފައިސާ ދެވިއްޖެނަމަ، އެކަމުގައި ޒިންމާވާ ފަރާތުން، ފައިސާ ދެވުނު މީހާގެ އަތުން އެ ފައިސާ އަނބުރާ ހޯދަންވާނެއެވެ. އެ ފަރާތުން ފައިސާ ނުލިބިއްޖެނަމަ، އެ ފައިސާ ހޯދުމުގެ ކަންކަން، މާލިއްޔަތުގެ މައްސަލަތައް ބެލުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކޮމިޓީއަށް ހުށަހަޅައިގެން ކުރިޔަށް ގެންދަންވާނެއެވެ.

 

6.18 ވަނަ މާއްދާ - މުވައްޒަފުން މެދުވެރިކޮށް ފައިސާ ހަވާލުކުރުން

އެކި ފަރާތްތަކަށް އަދާކުރުމަށް، ނުވަތަ ހަވާލުކުރުމަށް އޮފީހުން ބޭރަށް ފައިސާ ފޮނުވާނަމަ ފޮނުވަންވާނީ، އެ ފައިސާއާ ހަވާލުވެގެންދާ މުވައްޒަފަކަށް އެ ފައިސާ ލިބުނުކަމަށް ފޮތެއްގައި ލިޔެ ސޮއިކުރުވުމަށްފަހުގައެވެ. މިގޮތުން ފޮނުވާ މުވައްޒަފުންނާ ހަވާލުކުރި ފައިސާ ލިބެންވާ ފަރާތްތަކަށް ހަމަޔަށް ހަވާލުކޮށްފައިވޭތޯ ބަލައި ޗެކުކުރަންވާނެއެވެ. ފައިސާއެއް ނުދެއްކިގެން އަނބުރާ ގެނައިނަމަ، ގެނައިކަން އެނގޭގޮތަށް، ކަމާބެހޭ މުވައްޒަފު ސޮއިކޮށް، ހަމަ އެ ދުވަހު އެ ފައިސާއެއް ބަލައިގަންނަންވާނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ފައިސާގެ ތެރޭގައި ނަގުދުފައިސާއާއި ފައިސާގެ ގޮތުގައި ގަބޫލުކުރެވޭ ކޮންމެ އެއްޗެއް ވެސް ހިމެނެއެވެ. މި މާއްދާގައިވާ ގޮތުގެ މަތީން ފައިސާ ހަވާލުކުރުމަށާއި އަނބުރާ ގެންނަ ފައިސާ ބަލައިގަތުމަށް ބޭނުންކުރާ ފޮތް ތައްޔާރުކުރަންވީ ގޮތުގެ ނަމޫނާ MG/RV07 މި މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައި ވާނެއެވެ.

 

6.19 ވަނަ މާއްދާ - ޗެކަށް ފައިސާ ނަގަން ފޮނުވާ މުވައްޒަފުންނާ ޗެކު ހަވާހަވާލުކުރުން

ޗެކަށް ފައިސާ ނަގަން ފޮނުވާ މުވައްޒަފަކާ ލިޔުމަކުން ޗެކު ހަވާލުކޮށްފައި ސޮއިކުރުވަންވާނެއެވެ. މިގޮތަށް ޗެކު ހަވާލުކުރާއިރު، އެ ޗެކުގެ ނަންބަރާއި ފައިސާގެ އަދަދު އެނގޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ. ފައިސާ ނަގައިގެން ގެނައުމުން، އޮފީހުން އެ ފައިސާއާ ހަވާލުވާންޖެހޭ މުވައްޒަފަކު ފައިސާ ހަމަޔަށް ބަލައިގަނެ، ސޮއިކުރަންވާނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޗެކު ހަވާލުކުރުމަށާއި އެ ޗެކަށް ނަގައިގެން ގެންނަ ފައިސާ ބަލައިގަތުމަށް ބޭނުންކުރާނީ، މި ގަވާއިދުގެ 6.18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޮތެވެ.

 

6.20 ވަނަ މާއްދާ - ހަރަދުކުރުމަށް ނެގި ފައިސާއެއް ހަރަދު ނުވުމުން އަމަލުކުރަންވީ ގޮތް

(ހ) ހަރަދުކުރުމަށް ނަގާ ފައިސާއެއް ބާކީވެއްޖެނަމަ، ނުވަތަ ހަރަދުނުކުރެވިއްޖެނަމަ، އެ ފައިސާ، އެންމެ ގިނަވެގެން ވެސް، ރަސްމީ މަސައްކަތު 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ ފައިސާ ނެގި ކޯޑަށް އަނބުރައި ޖަމާކުރުމަށްފަހު، ރަސްމީ މަސައްކަތު 2 (ދޭއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު ލިޔުމުން މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ހުންނަ ފައިސާގެ ތެރެއިން ހަރަދުކުރެވޭގޮތް ނުވެފައިވާ ފައިސާއާއި، ވަކި ކަމަކަށް ނެގި ފައިސާއިން ބާކީވެފައި ހުންނަ ފައިސާ، އެ ކޯޑަކުން ދެން ކުރަންޖެހޭ ހަރަދަކުން އެޖަސްޓްމަންޓެއް ހަދައިގެން ހަމަޖެއްސިދާނެއެވެ. މިފަދަ އެޖަސްޓްމަންޓް ހަދާނީ، އެ ހަރަދެއް ކުރި ސަބްކޯޑަކުން ކުރަންޖެހޭ ހަރަދުތަކަށް އެކަންޏެވެ. (މިސާލަކަށް: ދަތުރު ހަރަދުގެ ކޯޑު އެއީ ބަޖެޓުގެ މައި ކޯޑު ކަމަށްވާނަމަ، އެއްގަމު ދަތުރު ހަރަދުގެ ކޯޑަކީ އެ ކޯޑުގެ ސަބްކޯޑެކެވެ.)

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، ފައިސާ އަނބުރާ ޖަމާކުރަންޖެހޭ އައިޓަމުން ހަރަދެއްކުރަން ނުޖެހި، ފައިސާ އެ ތަނެއްގައި ގިނަދުވަހު ބަހައްޓަންޖެހޭގޮތް ދިމާވާނަމަ، އެ ފައިސާއަށް ހަދަންވީ ގޮތެއް މިނިސްޓްރީއަށް ލިޔެގެން، ވީ އެންމެ އަވަހަކަށް ހަމަޖައްސަންވާނެއެވެ.

(ރ) ސެންޓްރަލް ޕޭމަންޓް ސިސްޓަމުގެ ތެރެއިން ނުވަތަ އެހެންވެސް ގޮތަކުން ފައިސާ ލިބެންވާ ފަރާތަށް އިތުރަށް ދެއްކޭ ފައިސާގެ ކަންތައް ހަމަޖައްސާނީ، އެކަން އެ ފަރާތަށް ލިޔުމަކުން އަންގައި، ފައިސާ ލިބެންވާ ފަރާތަށް ދޭންޖެހޭ ފައިސާއެއް ހުރިނަމަ އޭގެ ތެރެއިން އެޖަސްޓްކުރާގޮތަށް ނުވަތަ އިތުރަށް ދެވުނު ފައިސާ އަނބުރާ ހޯދާގޮތަށެވެ. މިއިން ކޮންމެ ގޮތަކަށް ނިންމިކަމުގައި ވިޔަސް، އެކަން ނިންމި ގޮތް މިނިސްޓްރީއަށް ލިޔުމަކުން އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ފަދަ ހާލަތެއް މެދުވެރިވެގެން ފައިސާ ލިބެންވާ ފަރާތަކަށް އިތުރަށް ދެވިފައިވާ ފައިސާ، އެ ފަރާތަކަށް ދޭންޖެހޭ ފައިސާއިން އެޖަސްޓްކުރަން ބަލާއިރު، އިތުރަށް ފައިސާ ދެވުނު ކޯޑުން ފައިސާ ލިބެންވާ ފަރާތަކަށް ދޭންޖެހޭ ފައިސާއެއް ނެތްނަމަ، އަދި އެހެން ކޯޑަކުން ނުވަތަ ކޯޑުތަކުން ފައިސާ ލިބެންވާ ފަރާތަށް ދޭންޖެހޭ ފައިސާ ހުރިނަމަ، އެ ފައިސާގެ ތެރެއިން އިތުރަށް ދެވުނު ފައިސާ އެޖަސްޓްކުރުމަށްފަހު، އެކަން ނިންމި ގޮތް މިނިސްޓްރީއަށް ލިޔުމަކުން އަންގަންވާނެއެވެ.

(ޅ) ހަރަދުކުރުމަށް ނަގައިފައި ހަރަދުނުވާގޮތަށް މެދުވެރިވާ ފައިސާ އެކައުންޓަށް އަނބުރާ ޖަމާކޮށްގެން ހިސާބުތަކުން ހަމަޖައްސަންވީ ގޮތް، MG/BC21 މި މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާނެއެވެ.

 

6.21 ވަނަ މާއްދާ - އަހަރު ފާއިތުވުމަށްފަހު އަނބުރާ ލިބޭ ފައިސާއާމެދު އަމަލުކުރަންވީ ގޮތް

ނިމުނު މާލީ އަހަރުގެ ހަރަދު ހިސާބުތައް ނިންމިފަހުން، ނިމުނު މާލީ އަހަރުގެ ތެރޭގައި ހަރަދުކޮށްފައިވާ ފައިސާއެއް އަނބުރާ ލިބިއްޖެނަމަ، އެއީ ކޮން ފައިސާއެއްކަން އެނގޭނެ ގޮތަށް ލިޔެ ދައުލަތުގެ އާމްދަނީއަށް ޖަމާކުރުމަށްފަހު، ސަރުކާރު ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ.

 

6.22 ވަނަ މާއްދާ -

ހަރަދުކުރުމަށް ނަގާ ފައިސާއެއް ހަރަދުވާގޮތް މެދުވެރިނުވުމުން ލޯކަލް ކައުންސިލްތަކުން އަމަލުކުރަންވީ ގޮތް

(ހ) ލޯކަލް ކައުންސިލުތަކުން ހަރަދުކުރުމަށް ނެގި ފައިސާއެއް ހަރަދުނުކުރެވޭގޮތް މެދުވެރިވެއްޖެނަމަ، ނުވަތަ ފައިސާ ނަގަންވީ އަދަދަށްވުރެ އިތުރަށް ފައިސާ ނެގިއްޖެނަމަ، މި ގަވާއިދުގެ 6.20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ހުންނަ ފައިސާގެ ތެރެއިން ހަރަދުނުކުރެވޭގޮތް މެދުވެރިވެފައިވާ ފައިސާއާއި، ވަކި ކަމަކަށް ނެގި ފައިސާއިން ބާކީވެފައި ހުންނަ ފައިސާ، އެ ކޯޑަކުން ދެން ކުރަންޖެހޭ ހަރަދަކުން އެޖަސްޓްމަންޓެއް ހަދައިގެން ހަމަޖެއްސިދާނެއެވެ.

 

6.23 ވަނަ މާއްދާ - ފައިސާ ބެލެހެއްޓުން

(ހ) ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާއާއި، ހަރަދަށް ނަގާ ފައިސާގެ ތެރެއިން ހަވާލުނުކުރެވި ހުންނަ ފައިސާއާއި، އެއްތަނުން އަނެއްތަނަށް ގެންގޮސް ގެނެސް ހަދާ ފައިސާއާއި، ދައުލަތުގެ ހަވާލުގައި ބަހައްޓަންޖެހޭ އެ ނޫން ފައިސާ ވެސް ބަހައްޓަންވާނީ، ތިޖޫރީއެއްގައި ނުވަތަ ފައިސާ ރައްކާކުރާ ފޮށްޓެއްގައި ނުވަތަ ސްޓްރޯންގ ރޫމެއްގައެވެ. މި ގޮތަށް ބެހެއްޓޭ ފައިސާއާއި ނެގޭ ފައިސާގެ ރިކޯޑު، ތިޖޫރީ ބާކީކުރާ ފޮތެއްގައި ނުވަތަ ށީޓެއްގައި ދުވަހުން ދުވަހަށް ބަލަހައްޓަން ވާނެއެވެ. ފައިސާ ރައްކައުކުރުމަށް ބަހައްޓާ މިފަދަ ތަންތަނާއި ތަކެތި ހުންނަންވާނީ، އަލިފާނުން ރައްކައުތެރިކުރެވޭފަދަ ގޮތަށް ތައްޔާރުކޮށް، ތަޅުލައިފައެވެ.

(ށ) އެ ދުވަހަކު ބަލައިގަންނަމުންދާ ފައިސާއާއި، އެކި ފަރާތްތަކާ ހަވާލުކުރުމަށް ޓަކައި ތިޖޫރީން ނަގައި އެ ދުވަހު މުވައްޒަފުންގެ ހަވާލުގައި ވަތްގަނޑުގައި ބަހައްޓައިފައި ހުންނަ ފައިސާ ވެސް، އެ ދުވަހުގެ ރަސްމީގަޑި ނިމޭއިރު ނުވަތަ އެ ދުވަހު އެ ތަނެއް ބަންދުކުރާއިރު ހުންނަންވާނީ، މި މާއްދާގެ (ހ) ގައިވާ ފަދަ ތަނެއްގައި ނުވަތަ އެއްޗެއްގައި ރައްކައުކޮށްފައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ތަނެއްގައި ނުވަތަ އެއްޗެއްގައި ގިނަ އަދަދެއްގެ ފައިސާ ހުއްޓައި ބަންދު ދުވަސްތަކެއް އަންނަނަމަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ނުވަތަ ބޭންކާ ވާހަކަދައްކައިގެން، ބަންދުވުމުގެ ކުރިން އަންނަ އެންމެފަހު ރަސްމީ ދުވަހު އޮފީސް ބަންދުކުރުމުގެ ކުރިން، އެ ފައިސާ އެފަދަ ތަނެއްގައި ބެހެއްޓޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ. މިގޮތަށް ހަމަނުޖެހިއްޖެ ހާލަތެއްގައި، ސަލާމަތީ ބާރުތަކާ މަށްވަރާކޮށްގެން ގޮތެއް ހަމަޖައްސަންވާނެއެވެ.
 

6.24 ވަނަ މާއްދާ - ހިސާބުތަކުގެ ރިކޯޑުތައް ގިނަދުވަހަށް ދެމިހުންނާނެގޮތަށް ބެލެހެއްޓުން

(ހ) ދައުލަތުގެ އޮފީސްތަކުގެ ހިސާބުތަކުގެ ރިކޯޑުތައް، އިދާރީ ބޭނުންތަކަށާއި، އޮޑިޓްކުރަން ފަސޭހަވާނެގޮތަށް ތަރުތީބުން ރައްކައުތެރިކަމާއެކު، ރައްކައުތެރި ތަނެއްގައި ބަހައްޓަންވާނެއެވެ. އަދި ގާނޫނީ މައްސަލައެއް ޖެހިއްޖެނަމަ، ހެއްކެއްގެ ގޮތުގައި ކޯޓަށް ހުށަހެޅޭނެފަދަ ގޮތަކަށް ރިކޯޑުތައް ބެހެއްޓުމަށް ޓަކައި، ދައުލަތުގެ މުދަލާއި ފައިސާގެ ހިސާބުތަކުގެ ރިކޯޑުތައް ބަލަހައްޓަންޖެހޭ މުއްދަތު ހަމަވަންދެން ލިޔުންތައް ބަހައްޓަންވާނެއެވެ.

(ށ) ލިޔުންތައް ބެލެހެއްޓުމުގެ ހަރަދު ކުޑަކުރުމުގެގޮތުން، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ލިޔުންތައް ރައްކައުކުރެވިދާނެއެވެ. މިގޮތަށް އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ލިޔުންތައް ރައްކައުކުރުމުގައި އަބަދުވެސް އެންމެފަހުގެ ޓެކްނޮލޮޖީ ބޭނުންކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. މިގޮތުން އިލެކްޓްރޯނިކް ޒަރީއާއިން ބަލަހައްޓާ ލިޔުންތަކުގެ ބެކަޕް ފައިލު، މާލީ ޒިންމާދާރު ވެރިޔާ ކަނޑައަޅާ ތަފާތު ދެތަނެއްގައި ރައްކައުކޮށްފައި ބަހައްޓަންވާނެއެވެ.

(ނ) ރައްކައުކޮށްފައި ބަހައްޓާ އެންމެހައި ލިޔުންތައް ހުންނަންވާނީ، އެއީ ކޮން ލިޔުންތަކެއްކަން އެނގޭނޭގޮތަށް ތަރުތީބުން ނަންބަރުޖަހައި އަހަރުތައް ވަކިކުރެވިފައެވެ. މިފަދަ ލިޔުންތައް ރައްކައުކޮށްފައިވާ ތަންތަނުގެ މައުލޫމާތު، އެ ލިޔުންތައް ގެންގުޅޭ ދައުލަތުގެ އޮފީހަކުން ބަލަހައްޓަންވާނެއެވެ.

 

6.25 ވަނަ މާއްދާ - ދައުލަތުގެ މުދަލާއި ފައިސާގެ ހިސާބުތަކުގެ ރިކޯޑުތައް ބަލަހައްޓަންޖެހޭ މުއްދަތު

(ހ) ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އެންމެހައި ލިޔުންތައް (ޕޭމަންޓް ވައުޗަރުތަކާއި، ބިލުތަކާއި، ޑެބިޓްނޯޓުތަކާއި، ކްރެޑިޓްނޯޓުތަކާއި، ޗެކުގެ ކައުންޓަރފޮއިލްތަކާއި، ޕަރޗޭސް އޯޑަރު ފޯމުތަކާއި، ސަރވިސް އޯޑަރު ފޯމުތަކާއި، ރަސީދުތަކާއި، ސަބްސިޑިއަރީ ކޭށްއެކައުންޓް ފޮތްތަކާއި، ޖަރނަލްތަކާއި، މާލީ އެހެނިހެން ރިކޯޑުތައް ފަދަ ލިޔުންތައް) ގާނޫނު ނަންބަރު 2011-16 (ދިވެހިރާއްޖޭގެ ގައުމީ އަރުށީފުގެ ގާނޫނު) ގެ ދަށުން ކަނޑައަޅާ މުއްދަތަކަށް ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ މުއްދަތު ހަމަވުމުގެ ކުރިން، އެއްވެސް ސަބަބަކާހުރެ، އެ މާއްދާގައި ބަޔާންކޮށްފައިވާފަދަ އެއްވެސް ލިޔުމެއް ނައްތައިލެވޭނީ، އެ ލިޔުންތަކަކީ އޮޑިޓްކޮށް ނިމި އޮޑިޓްރިޕޯޓު ލިބިފައިވާ ލިޔުންތަކަކަށް ވުމާއެކު، އެ ލިޔުންތައް ނައްތައިލަން ބޭނުންވާ ސަބަބު ބަޔާންކޮށް މިނިސްޓްރީއަށް ހުށަހަޅައި، އޮޑިޓަރ ޖެނެރަލްގެ ލަފާގެ މަތީން މިނިސްޓަރު ހުއްދަދިނުމުން، ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލަށް އެ ކަމެއް ހުށަހަޅައި، ގާނޫނު ނަންބަރު 2011-16 (ދިވެހިރާއްޖޭގެ ގައުމީ އަރުށީފުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
 

6.26 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުގައި ބަހައްޓާ ފައިސާގެ ތިޖޫރީ ރިޕޯޓު ތައްޔާރުކުރުން

(ހ) ދައުލަތުގެ އޮފީސްތަކުން ކޮންމެ ހަފުތާއެއްގެ ނިޔަލަށް ތިޖޫރީގައި ނުވަތަ އޮފީހުގައި ބަހައްޓައިފައިހުރި ފައިސާގެ ހިސާބު (ނަގުދުފައިސާއިން ހުރި އަދަދާއި، ޗެކުން ހުރިވަރާއި، ބޭރުފައިސާ ހުރިނަމަ އޭގެ ކޮންމެ ވައްތަރެއް ވަކީން ހުރި އަދަދު) ބަލައި، ތިޖޫރީއާ ހަވާލުވެހުރި މުވައްޒަފާއި އޮފީހުގެ އިސް މުވައްޒަފަކު އެ ހިސާބު ޗެކުކޮށް، ފައިސާ ގުނައި، އޮފީހުގެ މާލީ ޒިންމާދާރު ވެރިޔާ އެ ހިސާބު ރަނގަޅުތޯ ބަލައި ޗެކުކުރަމުން ގެންދަންވާނެއެވެ.

(ށ) ކޮންމެ މަހެއްގެ ނިޔަލަށް، ތިޖޫރީގައި ނުވަތަ އޮފީހުގައި ހުރި ފައިސާގެ ރިޕޯޓު ތައްޔާރުކޮށް، ޗެކުން ހުރި ފައިސާގެ ތަފުސީލު، ޗެކު ނަންބަރުތަކާއި، ޗެކުގެ ތާރީހާއި، ނަގުދުފައިސާއިން ހުރި އަދަދު އެނގޭނެގޮތަށް ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. ތިޖޫރީ ރިޕޯޓު ތައްޔާރުކުރަންވާނެ ގޮތް MG/BC24މި މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާނެއެވެ.

(ނ) ތިޖޫރީގައި ނުވަތަ އޮފީހުގައި ބަހައްޓައިފައި ހުރި ނަގުދުފައިސާގެ ތަފުސީލު، އެ ފައިސާއެއް އެކައުންޓުން ނެގި، ނުވަތަ އެ ފައިސާއެއް ބަލައިގަތް ތާރީހު އެނގޭނެގޮތަށް، މަހުގެ ނިޔަލަށް ތިޖޫރީގައި ހުރި ފައިސާގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތުގެ މަތީން ތިޖޫރީގައި ނުވަތަ އޮފީހުގައި ބަހައްޓައިފައި ހުރި ފައިސާގެ ރިޕޯޓު (ތިޖޫރީގައި ހުރި ފައިސާގެ ހިސާބު) ހަފުތާއަކު އެއްފަހަރު އެ އޮފީހަކުން ތައްޔާރުކުރަމުން ގެންދަންވާނެއެވެ. އަދި ކޮންމެ މަހެއް ނިމުމުން، އެ މަހެއްގެ ރިޕޯޓު (ތިޖޫރީގައި ހުރި ފައިސާގެ ހިސާބު) ތައްޔާރުކޮށް، އެ އޮފީހަކުން ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ތިޖޫރީ ރިޕޯޓުގައި، އޮފީހުގެ ފައިސާއާބެހޭ އިސްވެރިޔަކު ސޮއިކޮށްފައި އޮތުމުގެ އިތުރަށް، ތިޖޫރީއާ ހަވާލުވެހުރި މުވައްޒަފާއި، ފައިސާގެ އަދަދު ބަލައި ޗެކުކުރި މުވައްޒަފު، އެ ރިޕޯޓުގައިވާ އަދަދަށް ފައިސާއާއި ފައިސާއާ އެއްފަދަ ތަކެތި ހުރިކަމަށް ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ޅ) މި ގަވާއިދުގެ 12.22 ވަނަ މާއްދާގެ (ހ) ގައިވާ ފަދަ ތަންތާނގައި ދައުލަތުގެ ފައިސާއާއި ތަކެއްޗާއި ދައުލަތުން ބަލަހައްޓަންޖެހޭ ފައިސާއާއި ތަކެތި ފިޔަވައި އެހެން އެއްވެސް އެއްޗެއް ބަހައްޓައިގެން ނުވާނެއެވެ. އަދި މިފަދަ ތަންތާނގައި ހުންނަ ފައިސާއާއި ތަކެތި ބެލެވޭނީ، ދައުލަތުގެ ފައިސާއާއި ތަކެތިކަމުގައެވެ.

 

6.27 ވަނަ މާއްދާ - ދައުލަތުގެ މުދަލާއި ފައިސާއާބެހޭ ލިޔުންތައް ނައްތައިލުން

ދައުލަތުގެ އޮފީހަކުން އެއްވެސް ލިޔެކިޔުމެއް ނައްތައިލަންވާނީ، ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލަށް އެ ކަމެއް ހުށަހަޅައި، ގާނޫނު ނަންބަރު 2011-16 (ދިވެހިރާއްޖޭގެ ގައުމީ އަރުށީފުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

6.28 ވަނަ މާއްދާ - ހާއްސަ އެހީގެ ފައިސާ ހަރަދުކުރުން

(ހ) ދައުލަތުގެ ފައިސާއިން ހާއްސަ އެހީއެއްގެ ގޮތުގައި، މީހަކަށް ނުވަތަ ފަރާތަކަށް އެހީއެއް ވެދެވޭނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައިވާ ގޮތުގެ މަތީން، އަންނަނިވި ހާލަތްތަކުގައެވެ.

  1. އެ މީހަކަށް ނުވަތަ ފަރާތަކަށް ލިބޭ ގެއްލުމެއްގައި، ނުވަތަ ކުރިމަތިވާ ދަތި ހާލަތެއްގައި، ކޮންމެވެސް އެހީއެއް ދައުލަތުން ވެދިނުމަކީ، އިޖުތިމާއީ މަސްލަހަތެއް ހިމެނޭ ކަމެއް ކަމުގައި ނުވަތަ އަދުލުވެރި ކަމެއް ކަމުގައި ސަރުކާރަށް ނުވަތަ ކައުންސިލަށް ފެންނަ ހާލަތްތަކުގައި؛ ނުވަތަ
  2. މީހަކަށް ނުވަތަ ފަރާތަކަށް ދިމާވެފައިވާ މާލީ ދަތިކަމަކުން އެ މީހަކު ނުވަތަ އެ ފަރާތެއް ސަލާމަތްކޮށްދިނުމަކީ މުޖުތަމައުގެ އެކަށީގެންވާ ނިސްބަތެއްގެ ބައެއްގެ މަސްލަހަތު އެކަމުގައި ހިމެނިގެންވާ ކަމަކަށް ވުމާއި، އެ ހާލަތުގައި އެ މީހަކު ނުވަތަ އެ ފަރާތެއް ސަލާމަތްކޮށްދިނުމަކީ އެންމެ އަދުލުވެރި، އިންސާފުވެރި ގޮތްކަމަށް ސަރުކާރަށް ނުވަތަ ކައުންސިލަށް ފެންނަ ހާލަތުގައި. 

(ށ) ކައުންސިލުތަކުން ފޯރުކޮށްދޭ އެހީ ފިޔަވައި، މި މާއްދާގެ (ހ) ގެ ދަށުން ހާއްސަ އެހީގެ ގޮތުގައި މީހަކަށް ނުވަތަ ފަރާތަކަށް ދައުލަތުން އެހީއެއް ވެދެވޭނީ، މި ގަވާއިދުގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ އެންގުމަކަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަޔާއެކު މިނިސްޓަރަށެވެ.

(ނ) ކައުންސިލުތަކުން ހާއްސަ އެހީގެ ގޮތުގައި އެއްވެސް ފަރާތަކަށް އެހީއެއް ވެދެވޭނީ، މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އެ މީހަކަށް ނުވަތަ އެ ފަރާތަކަށް އެހީއެއް ވެދިނުމަށް އެ ކައުންސިލަކުން ފާސްކުރާ ގޮތެއްގެ މަތީންނެވެ.

(ރ) ކައުންސިލުތަކުން ހާއްސަ އެހީގެ ގޮތުގައި އެއްވެސް ފަރާތަކަށް އެހީއެއް ދެވޭނީ، އެ އަހަރެއްގެ ކައުންސިލުގެ ބަޖެޓުގައި އެފަދަ ކަންކަމަށް ހަރަދުކުރުމަށް ކަނޑައަޅައިފައިވާ ފައިސާގެ ތެރެއިންނެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ހާއްސަ އެހީގެ ގޮތުގައި މީހަކަށް ނުވަތަ ފަރާތަކަށް އެހީއެއް ދީފިނަމަ، އެ މުއާމަލާތްތަކުގެ ތަފުސީލުތައް، މި ގަވާއިދުގައިވާ ގޮތުގެ މަތީން ކަމާގުޅޭ ދައުލަތުގެ އޮފީހަކުންނާއި ކައުންސިލުން ލިޔެ ބަލަހައްޓަންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) ގެ ދަށުން ނިންމާ އެންމެހައި ނިންމުންތައް، އެ ނިންމުމެއް ނިންމާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ކ) ކައުންސިލްތައް ފިޔަވައި، ދައުލަތުގެ އޮފީހަކުން، އެހީއެއް ހޯދުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާނީ، އެ އޮފީހެއްގެ އެންމެ މަތީ ވެރިޔެއްގެ ހުއްދަޔާއެކު، މާލީ ޒިންމާދާރު ވެރިޔާއެވެ. އަދި އެގޮތުން ހުށަހަޅާއިރު، އެ ފައިސާ ހޯދުމަށް ބޭނުންވާ ކަމަކާ ގުޅޭ ފުރިހަމަ މައުލޫމާތު ހިމަނަންވާނެއެވެ. މީގެ ތެރޭގައި، އެހީގެ ފައިސާ ހޯދަން އެދެންޖެހުނު ސަބަބު ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ.

(އ) އެހީގެ ފައިސާ ދޫކުރެވޭނީ، އެ ފައިސާ ލިބުމަށް އެދޭ ދައުލަތުގެ އޮފީހުގެ އެ އަހަރުގެ ބަޖެޓުގައި މިފަދަ އެހީ ދިނުމަށް ފައިސާ ކަނޑައެޅިފައި އޮވެގެންނެވެ. ނުވަތަ މިނިސްޓްރީއަށް ހުށަހަޅައި، އެ އޮފީހެއްގެ ބަޖެޓަށް ފައިސާ ލިބިގެންނެވެ.

(ވ) އެހީގެ ފައިސާ ހަރަދުކުރަންވާނީ، ދައުލަތުގެ ފައިސާ ހަރަދުކުރުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި އެ މުއާމަލާތްތަކުގެ ތަފުސީލުތައް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ލިޔެ ބަލަހައްޓަންވާނެއެވެ.

 

6.29 ވަނަ މާއްދާ - އެޑްވާންސް ފަންޑުން ފައިސާ ދޫކުރުން

(ހ) ދައުލަތުގެ އޮފީސްތަކަށް އެޑްވާންސްކޮށް ފައިސާ ދޫކުރެވޭނީ، ތިރީގައިމިވާ ކަންކަމަކަށެވެ.

  1. ސަރުކާރުގެ އާންމު ހިދުމަތްތަކަށާއި ކެޕިޓަލް ހަރަދުތަކަށް ވަގުތީގޮތުން ދޭންޖެހޭ ފައިސާ ދިނުމަށާއި، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުޅުވައިފައިވާ އެކައުންޓެއް އޮތް ބޭންކެއް ނެތް ރަށެއްގައި ކުރަންޖެހޭ ހަރަދުތައް ކުރުމަށާއި، ރާއްޖެއިން ބޭރުގައި ހިނގާ ދައުލަތުގެ އޮފީސްތަކުގެ ހަރަދުތަކަށް ދޫކުރަންޖެހޭ ފައިސާ ދޫކުރުމަށް؛
  2. ކުރިން ވިސްނައިގަންނަން ނުވަތަ ރާވަން ނޭނގޭ، އަދި ކުއްލިއަކަށް ދިމާވާ ބޭނުމަކަށް ދައުލަތުގެ ފައިސާ ދޫކުރަންޖެހޭ ފަދަ ހާލަތެއްގައި ފައިސާ ދޫކުރުމަށް؛
  3. ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތީން އެހެން އެއްވެސް ޕަބްލިކް ފަންޑަކުން ފައިސާ ދޫކުރެވެން ނެތް ހާލަތެއްގައި ފައިސާ ދޫކުރުމަށް.

(ށ) އެޑްވާންސް ފައިސާ ހަރަދުކުރެވޭނީ، މިނިސްޓަރުގެ ހުއްދައެއް ލިޔުމަކުން ލިބިގެން، އެ ލިޔުމުގައިވާ ގޮތުގެ މަތީންނެވެ.

(ނ) އެޑްވާންސް ފައިސާ ހަރަދުކުރުމަށް ހުއްދަދީފައިވާ ކަމަކަށް ފިޔަވައި އެހެން ކަމަކަށް އެ ފައިސާއެއް ހަރަދެއް ނުކުރެވޭނެއެވެ.

(ރ) އެއްވެސް ހާލަތެއްގައި، އެޑްވާންސް ފައިސާގެ ގޮތުގައި ހަރަދުކުރުމަށް މިނިސްޓަރު ހުއްދަދީފައިވާ އަދަދަށްވުރެ އިތުރަށް ހަރަދުކޮށްގެން ނުވާނެއެވެ.

(ބ) އެޑްވާންސްގެ ގޮތުގައި ވީހާވެސް މަދުން ފައިސާ ނެގޭނެ އިންތިޒާމުތައް ހަމަޖެއްސޭތޯ، މާލީ ޒިންމާދާރު ވެރިން ބަލަންވާނެއެވެ. އަދި އެ ފައިސާ އަނބުރާ ލިބުމުން، ވަގުތުން ހިސާބުތަކުގައި ހިމަނަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އެއްވެސް ފައިސާއެއް އެޑްވާންސް ފަންޑުން ދޫކޮށްފައިވާނަމަ، އެ ފަންޑަށް އެ ފައިސާ އަނބުރާ ޖަމާކުރުމަށް ޓަކައި، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން، ނުވަތަ ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުން، ނުވަތަ އެ ދެ ފަންޑުން ފައިސާ ނެގުމަށް ބޭނުންވާކަން ވިދިގެން އަންނަ މާލީ އަހަރުގެ ބަޖެޓުގައި، ނުވަތަ ހިނގަމުންދާ ބަޖެޓަށް ފައިސާ އިތުރުކުރުމަށް މިނިސްޓަރު ކަނޑައަޅަންވާނެއެވެ.

(ކ) އެޑްވާންސް ފައިސާ ހަރަދުކުރުމުގައި ވެސް އަމަލުކުރަންވާނީ، މި ގަވާއިދާއި، މި ގަވާއިދުގެ ދަށުން ހަދައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

6.30 ވަނަ މާއްދާ - އެޑްވާންސް ފައިސާ ހޯދުމަށް ހުށަހެޅުން

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ދައުލަތުގެ އޮފީސްތަކަށް ބޭނުންވާ އެޑްވާންސް ފައިސާ ހޯދުމަށް ނުވަތަ އެކައުންޓަށް ފައިސާ ޓްރާންސްފަރކުރުމަށް، ތިރީގައިމިވާ ލިޔުންތަކާއެކު، ކޮންމެ މީލާދީ މަހެއްގެ 20 (ވިހި) ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް އީ-މެއިލްގެ ޒަރީއާއިން ފޮނުވުމަށްފަހު، އެ ލިޔެކިޔުންތަކުގެ އަސްލު، އެ މަހެއްގެ ސަރުކާރު ބަންދު ނޫން އެންމެފަހު ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފޮނުވަންވާނެއެވެ.

(ހ) ކުރިޔަށް އޮތް މަހަށް ފައިސާ ހޯދުމަށް އެދި ހުށަހަޅާ ޕޭމަންޓް ވައުޗަރު (MG/BC04)

(ށ) ކުރިޔަށް އޮތް މަހުގެ ހަރަދަށް އެޑްވާންސަށް ބޭނުންވާނެކަމަށް ލަފާކުރާ ފައިސާ (MG/RV08)

(ނ) ވޭތުވެދިޔަ މަހު އެޑްވާންސް ފައިސާއިން ކުރެވުނު ހަރަދާއި ބާކީގެ ހިސާބު MG/RV09

(ރ) ޗެކު ރަޖިސްޓަރީ MG/BC08

(ބ) ބޭންކް ރިކޮންސިލިއޭށަން ސްޓޭޓްމަންޓް MG/RV10

(ޅ) ބޭންކް ސްޓޭޓްމަންޓުގެ ކޮޕީ

 

6.31 ވަނަ މާއްދާ - ޕެޓީކޭށް ފައިސާ އިމްޕްރެސްޓް ސިސްޓަމުން ހަރަދުކުރުން

(ހ) ކުދިކުދި ހަރަދު ކުރުމަށް ޓަކައި، އިމްޕްރެސްޓް ސިސްޓަމުގެ ދަށުން ޕެޓީކޭށްގެ ގޮތުގައި ފައިސާ ބަހައްޓައިގެން ހަރަދުކުރެވިދާނެއެވެ. މިގޮތުން ޕެޓީކޭށް ފައިސާ ދޫކުރެވޭނީ، ބޭނުންވާ ސަބަބާއި އަދަދު ބަޔާންކޮށް، ލިޔުމަކުން މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.

(ށ) ޕެޓީކޭށް ފައިސާ ބަލަހައްޓަންވާނީ، މި ގަވާއިދުގެ 6.33 ވަނަ މާއްދާގައިވާ އިމްޕްރެސްޓް ސިސްޓަމުގެ އުސޫލުންނެވެ. ޕެޓީކޭށްއަށް ހުއްދަކޮށްފައިވާ އަދަދު އެ ތަނެއްގެ ބަޖެޓު އެކައުންޓުން ނަގައި، ހަރަދު އައިޓަމަށް ނުވަންނާނެ ގޮތެއްގެ މަތީން، ބަޖެޓުގެ މުޅި ޖުމުލައިން ބާކީކުރަންވާނެއެވެ.

(ނ) ޕެޓީކޭށްއިން ފައިސާ ހަރަދުކުރުމުގައި، ފައިސާ ހަރަދުކުރެވޭ ތާރީހާއި، ހަވާލުކުރެވޭ މުވައްޒަފުގެ ނަމާއި، ސޮޔާއި، ހޯދުނު ތަކެތި ނުވަތަ ހިދުމަތާއި، އެ ފައިސާ ހަރަދުކުރެވޭ ބޭނުމާ ގުޅޭ ބަޖެޓު ކޯޑު ނަންބަރާއި، ހަރަދުކުރެވުނު އަދަދު އެނގޭނެގޮތަށް ޕެޓީކޭށް ވައުޗަރެއް ތައްޔާރުކުރަންވާނެއެވެ. އަދި އެ ވައުޗަރަކުން ކުރެވޭ ހަރަދުތަކަށް ފައިސާ ދެއްކުމުން ލިބޭ ރަސީދުތަކާއި ބިލުތަކާއި އެހެނިހެން ލިޔުންތައް، ކޮންމެ ވައުޗަރަކާއެކު އެޓޭޗްކޮށް ފައިލުކޮށްފައި ބަލަހައްޓަންވާނެއެވެ. ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ އޮފީހެއްގައި ހުރި ޕެޓީކޭށްގެ އަދަދާއި، ޑިޕޮޒިޓް ފައިސާގެ ގޮތުގައި ގެންގުޅޭ ފައިސާގެ އަދަދާއި، ކޭށް އެޑްވާންސް ފައިސާގެ ގޮތުގައި ގެންގުޅޭ ފައިސާގެ އަދަދު އަންގައިދޭ ލިޔުން ތައްޔާރުކުރާނީ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ރ) ޕެޓީކޭށް ފައިސާއިން ކުރާ ހަރަދު، ލަސްވެގެން މަހަކު އެއްފަހަރު، ގަވާއިދުން އެ ފައިސާ ނަގަންޖެހޭ ބަޖެޓު އައިޓަމުތަކުގެ ހިސާބުތަކަށް ވައްދައި، ބަޖެޓު ހިސާބުތަކުން ހަމަޖައްސަންވާނެއެވެ. އަދި މަސް ނިމުމުން ހަރަދު ރިޕޯޓު ހަދާއިރު، އެ ރިޕޯޓާއެކު އޮންނަ ރިކޮންސިލިއޭށަން ސްޓޭޓްމަންޓުގައި ޕެޓީކޭށްގެ ގޮތުގައި އެ ތަނެއްގައި ގެންގުޅޭ އަދަދު އެނގެން އޮންނަންވާނެއެވެ.

(ބ) ޕެޓީކޭށް ފައިސާއިން ހަރަދުކުރުމާއި ފައިސާ ހަވާލުކުރުމުގައި އަމަލުކުރާނީ، މި ގަވާއިދާއި، މި ގަވާއިދުގެ ދަށުން ހަދައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ޅ) ޕެޓީކޭށް ފައިސާގެ ހިސާބުތައް ބަލަހައްޓަންވީ ގޮތުގެ ނަމޫނާ، MG/RV11 މި މިނިސްޓްރިގެ ވެބްސައިޓުގައި ށާއިއުކޮށްފައި ވާނެއެވެ.

 

6.32 ވަނަ މާއްދާ - ޕެޓީކޭށް ފައިސާގެ ހިސާބުތައް ޗެކުކުރުމާއި، ޕެޓީކޭށް އަނބުރާ ނެގުން

(ހ) ޕެޓީކޭށް ފައިސާ ހަރަދުކުރާގޮތް، މާލީ ޒިންމާދާރު ވެރިޔާ ބަލައި ޗެކުކުރަމުން ގެންދަންވާނެއެވެ. ބޭނުންޖެހިއްޖެ ހާލަތެއްގައި، ޕެޓީކޭށް ފައިސާގެ މިންވަރު އިތުރުކުރުމުގެ އިހްތިޔާރާއި، މަދުކުރުމުގެ އިހުތިޔާރު، އެކައުންޓަންޓް ޖެނެރަލަށް ލިބިގެންވެއެވެ.

(ށ) ޕެޓީކޭށް ފައިސާ ހަރަދުކުރުމަށް ހަމަޖައްސައިފައިވާ އުސޫލުތަކާ ހިލާފަށް ބޭނުންކުރަމުން ގެންދާކަން އެނގިއްޖެނަމަ، ޕެޓީކޭށްގެ ގޮތުގައި ދޫކޮށްފައިވާ މުޅި އަދަދު އެކުގައި އަނބުރާ ނެގުމުގެ އިހުތިޔާރު، އެކައުންޓަންޓް ޖެނެރަލަށް ލިބިގެންވެއެވެ.

(ނ) ޕެޓީކޭށް ފައިސާ އެ ތަނަކަށް ބޭނުން ނުވާކަމަށް މާލީ ޒިންމާދާރު ވެރިޔާއަށް ފެނިއްޖެ ހިނދެއްގައި، އެ ފައިސާގެ ހިސާބުތައް ނިންމައި ޕެޓީކޭށްގެ ގޮތުގައި ގެންގުޅުމަށް ނެގި ޖުމުލަ އަދަދު ހަމަކޮށް، އެ އަދަދު ބަޖެޓަށް އަނބުރާ ޖަމާކުރަންވާނެއެވެ.

 

6.33 ވަނަ މާއްދާ - އިމްޕްރެސްޓުގެ ގޮތުގައި ފައިސާ ދޫކުރުމާއި ބެލެހެއްޓުން

(ހ) އިމްޕްރެސްޓުގެ ގޮތުގައި ދޫކުރާ ފައިސާއަކީ، ދައުލަތުން އެކި ފަރާތްތަކަށް ދޭ ހިދުމަތްތަކާ ގުޅޭގޮތުން ހަރަދުކުރުމަށް އެޑްވާންސްކޮށް ނަގައި، އެކަމަށް ހާއްސަ މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ހަރަދުކުރާ ފައިސާއެވެ.

(ށ) އިމްޕްރެސްޓް ބެހިގެންވަނީ 2 (ދޭއް) ބަޔަކަށެވެ. އެއީ، ސްޓޭންޑިންގ އިމްޕްރެސްޓާއި ސްޕެށަލް އިމްޕްރެސްޓެވެ. މި އިމްޕްރެސްޓް ބޭނުންކުރެވޭ ގޮތް ތިރީގައި މިވަނީއެވެ.

 

(1) ސްޓޭންޑިންގ އިމްޕްރެސްޓް:

ސްޓޭންޑިންގ އިމްޕްރެސްޓަކީ، ބޭނުންވުމުން އެކިފަހަރުމަތިން އައުކުރެވޭ، އަދި ބޭނުން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި ނުވަތަ އެކައުންޓަންޓް ޖެނެރަލަށް ލިޔުމަކުން އަންގައިފިނަމަ، ހުއްޓައިލެވޭނެ ފެސިލިޓީއެކެވެ.

 

(2) ސްޕެށަލް އިމްޕްރެސްޓް:

ސްޕެށަލް އިމްޕްރެސްޓަކީ، ވަކި ހާއްސަ މަގުސަދެއްގައި ވަކި ހާއްސަ ބޭނުމަކަށް ދެވޭ އެޑްވާންސް ފައިސާއެކެވެ. މިގޮތުން ދެވޭ އެޑްވާންސް ފައިސާ ދިން މަގުސަދު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުވަތަ އެ މުއްދަތު ފާއިތުވުމުގެ ކުރިން ހާސިލުވެއްޖެނަމަ، އެ އެޑްވާންސްގެ ހިސާބުތައް އެހިސާބުން ނިންމަންވާނެއެވެ.

(ނ) ސްޓޭންޑިންގ އިމްޕްރެސްޓަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މާލީ ޒިންމާދާރު ވެރިޔާ އިމްޕްރެސްޓަށް އެދި ހުށަހަޅާ ހުށަހެޅުމުގައި، އިމްޕްރެސްޓް ބޭނުންވާ ސަބަބާއި، އިމްޕްރެސްޓަށް ޒިންމާވާނޭ މުވައްޒަފުގެ ނަމާއި، މަގާމާއި، ބޭނުންވާ އަދަދު ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ. މިގޮތަށް ހުށަހެޅޭ ހުށަހެޅުންތައް ބަލައި، އިމްޕްރެސްޓް ދޫކުރުން މުހިންމުކަމަށް އެކައުންޓަންޓް ޖެނެރަލަށް ފެނިއްޖެނަމަ، ލިޔުމަކުން މިކަމަށް ހުއްދަ ދޭންވާނެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި އިމްޕްރެސްޓް ސިސްޓަމް ބޭނުންކޮށްގެން ހިސާބުތައް ބަލަހައްޓަންޖެހޭ ގޮތުގެ އިރުށާދު ދޭންވާނެއެވެ. ސްޓޭންޑިންގ އިމްޕްރެސްޓް އެޑްވާންސްކޮށް ދޫކުރެވޭނީ، އެކަމަށް އައްޔަނުކޮށްފައިވާ މުވައްޒަފަކަށެވެ.

(ރ) ސްޕެށަލް އިމްޕްރެސްޓަށް އެދި މިނިސްޓްރީއަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ. މާލީ ޒިންމާދާރު ވެރިޔާ އިމްޕްރެސްޓަށް އެދި ހުށަހަޅާ ހުށަހެޅުމުގައި، އިމްޕްރެސްޓް ބޭނުންވާ ސަބަބާއި، އިމްޕްރެސްޓް ދޫކުރެވޭނެ މުވައްޒަފުގެ ނަމާއި، މަގާމާއި، ދޫކުރެވޭނެ ތާރީހާއި، އިމްޕްރެސްޓް ހިސާބުކުރެވޭނެ ތާރީހާއި ހުއްޓައިލެވޭނެކަމަށް ލަފާކުރާ ތާރީހު ބަޔާންކުރަންވާނެއެވެ. ސްޕެށަލް އިމްޕްރެސްޓަށް އެދެންވާނީ، އެ އިމްޕްރެސްޓަކުން ހާސިލުކުރަން ބޭނުންވާ މަގުސަދެއް ފުރިހަމަކުރެވޭނެ އަދަދަކަށެވެ. އަދި އިމްޕްރެސްޓް ބޭނުންކުރަން ހުށަހަޅާ މުއްދަތު ވާންވާނީ، ދަތިކަމެއްނެތި އެ މަގުސަދު ހާސިލުކުރެވޭނެ އެންމެކުރު މުއްދަތަކަށެވެ. ސްޕެށަލް އިމްޕްރެސްޓް އެޑްވާންސްކޮށް ދޫކުރެވޭނީ، އެކަމަށް އައްޔަނުކޮށްފައިވާ މުވައްޒަފަކަށެވެ.

(ބ) ސްޕެށަލް އިމްޕްރެސްޓަށް އެދި ހުށަހެޅޭ ހުށަހެޅުމަކަށް ހުއްދަދެވޭނީ، އިމްޕްރެސްޓަކާ ހަވާލުވާ މުވައްޒަފު އިމްޕްރެސްޓަށް ދޫކުރި ފައިސާގެ ތެރެއިން ހަރަދުނުވެ ބާކީ ހުންނަ ފައިސާ އަނބުރާ ދެއްކުމަށް އެއްބަސްވެ ސޮއިކުރުމަށްފަހުގައެވެ.

(ޅ) ކުރިން ދޫކޮށްފައިވާ އިމްޕްރެސްޓަކަށް ދައްކަންޖެހޭ ފައިސާއެއް ނުދެއްކިވާނަމަ، އިތުރު އިމްޕްރެސްޓެއް އެ މުވައްޒަފަކަށް ދޫކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.

(ކ) ވަކި މުވައްޒަފަކާ ހަވާލުކޮށްފައިވާ ސްޕެށަލް އިމްޕްރެސްޓުގެ ފައިސާ، އެއްވެސް ހާލަތެއްގައި އެހެން މުވައްޒަފަކަށް ބަދަލެއް ނުކުރެވޭނެއެވެ. މިކަމާ ހަވާލުވެހުރި މުވައްޒަފަކަށް އެކަން ނުކުރެވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، މި އިމްޕްރެސްޓް ވަގުތުން ހުއްޓައިލަންވާނެއެވެ. އެހެން މުވައްޒަފަކަށް މި މަސައްކަތާ ހަވާލުވެވޭނީ، ސްޕެށަލް އިމްޕްރެސްޓަށް އެދި އައު ހުށަހެޅުމެއް ހުށަހަޅައިގެންނެވެ.

(އ) ސްޓޭންޑިންގ އިމްޕްރެސްޓާ ހަވާލުވެހުރި މުވައްޒަފު އޭނާގެ މަސްއޫލިއްޔަތު އެހެން މުވައްޒަފަކާ ހަވާލުކުރުމުގައި އަމަލުކުރަންޖެހޭ ގޮތް، ތިރީގައި މިވަނީއެވެ.

  1. ސްޓޭންޑިންގ އިމްޕްރެސްޓާ ހަވާލުވެހުންނަ މުވައްޒަފު އޭނާގެ މަސްއޫލިއްޔަތުތައް އެހެން މުވައްޒަފަކާ ހަވާލުކުރެވޭނީ، ކުރިން ބޭނުންކުރަމުން އައި ސްޓޭންޑިންގ އިމްޕްރެސްޓުގެ މަގުސަދަށް ބަދަލެއް ނާންނަ ގޮތަށެވެ.
  2. ސްޓޭންޑިންގ އިމްޕްރެސްޓް މުވައްޒަފުންގެ މެދުގައި ބަދަލުކުރާއިރު، އެކައުންޓަންޓް ޖެނެރަލް ކަނޑައަޅާ ފޯމެޓަކަށް ތައްޔާރުކޮށްފައިވާ "ހޭންޑިންގއޯވަރ ސެޓްފިކެޓް" ގައި 2 (ދޭއް) މުވައްޒަފުން ސޮއިކުރަންވާނެއެވެ. އަދި މި ސެޓުފިކެޓުގައި، ހަވާލުކުރެވޭ އިމްޕްރެސްޓާބެހޭ ހުރިހާ މައުލޫމާތެއް ހުންނަންވާނެއެވެ.

(ވ) އިމްޕްރެސްޓް އެކައުންޓުން ކުރެވޭ ހަރަދުތަކާބެހޭ ލިޔެކިޔުން ހޯދައި ހަމަކުރުމުގައި އަމަލުކުރަންޖެހޭ ގޮތް، ތިރީގައި މިވަނީއެވެ.

  1. އިމްޕްރެސްޓުން ކުރެވޭ ހަރަދުތަކާބެހޭ ރަސީދު، ނުވަތަ ބިލު ނުވަތަ ވައުޗަރު ނުވަތަ އެނޫންވެސް ގުޅުންހުރި ލިޔުންތައް ހޯދައި ލިބިގަތުން؛
  2. ރަސީދެއް ނުވަތަ ވައުޗަރެއް ނުލިބިއްޖެ ހާލަތެއްގައި ފައިސާ ހަރަދުކުރެވިފައިވާ ގޮތުގެ ތަފުސީލާއި، ރަސީދު ލިބިފައިނުވާ ސަބަބު އެ މުވައްޒަފަކު ބަޔާންކުރުން؛
  3. އިމްޕްރެސްޓެއް ހުއްޓައިލާނަމަ ނުވަތަ އިމްޕްރެސްޓް އަލުން އައުކުރާނަމަ، ހުރިހާ ވައުޗަރުތަކުގެ އަސްލު، އިމްޕްރެސްޓް ދޫކޮށްފައިވާ އޮފީހާ ހަވާލުކުރުން.

(މ) ސްޓޭންޑިންގ އިމްޕްރެސްޓް ދޫކުރި ބޭނުން ނިމުމަކަށް އަތުވެއްޖެނަމަ، ސްޓޭންޑިންގ އިމްޕްރެސްޓް ކުރިޔަށް ގެންދިޔުން ވަގުތުން ހުއްޓައިލެވޭނެއެވެ. އަދި ހަރަދުނުކޮށް ހުރި ފައިސާއާއި ވައުޗަރުތައް އިމްޕްރެސްޓް ދޫކޮށްފައިވާ އޮފީހަށް ރައްދުކުރަންވާނެއެވެ.

 

ބާބު 7 

މުސާރައާއި، އުޖޫރައާއި، އިނާޔަތާއި، މުވައްޒަފުންނަށް ހިނގާ ހަރަދު

 

7.01 ވަނަ މާއްދާ - މުސާރައާއި އުޖޫރައާއި އިނާޔަތް

(ހ) މުސާރައާއި އުޖޫރައާއި އިނާޔަތަކީ، ދައުލަތުގެ ކޮންމެ އޮފީހެއްގެ ސިޔާސަތުތައް ރޭވުމާއި ތަންފީޒުކުރުމުގެ މަސައްކަތް އެ އޮފީހެއްގައި ނުވަތަ އެ އޮފީހަކުން ކަނޑައަޅާ ތަނެއްގައި ކުރުމަށް ގާނޫނީ ހަމަތަކުގެ މަތީން ވަޒީފާ ހަމަޖެހިފައިވާ މުވައްޒަފުންނަށާއި ޒިންމާކުރެވިފައިވާ ފަރާތްތަކަށް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނުވަތަ އެއްބަސްވުމެއްގައި ކަނޑައަޅައިގެން ގާނޫނީ ހަމަތަކުގެ މަތީން ދެވޭ ފައިސާއެވެ.

(ށ) މުވައްޒަފުންގެ މުސާރައާއި އިނާޔަތް ދޭންވާނީ، ބަޖެޓުގައި "މުވައްޒަފުންނަށް ހިނގާ ހަރަދު" ގެ ކޯޑުގައި ހިމަނައިގެން، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މުސާރައާއި އިނާޔަތް ކަނޑައެޅުމަށްފަހުގައެވެ.

(ނ) މުސާރައާއި އިނާޔަތާއި އުޖޫރައާއި އިތުރުގަޑީގެ ފައިސާއާއި މުވައްޒަފުންނަށް ދެވޭ އެހެނިހެން އެލަވަންސްތައް ދޭންވާނީ، ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މިގޮތުން ނުރަސްމީގަޑީގައި ނުވަތަ އިތުރުގަޑީގައި ކުރެވޭ މަސައްކަތްތަކުގެ ހާޒިރީ ބަލަހައްޓައްވާނީ، MG/BC09 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

(ރ) މުވައްޒަފުންގެ މުސާރައާއި އުޖޫރައާބެހޭ އެންމެހައި މައުލޫމާތު ލިޔެކިޔުމުން ރަނގަޅަށް ބަލަހައްޓަންވާނެއެވެ. މި މައުލޫމާތުތައް ބަލަހައްޓައި މުސާރަށީޓް ތައްޔާރުކުރަންވާނީ، މުވައްޒަފުންނާބެހޭ ކަންތައްތައް ބަލަހައްޓާ މުވައްޒަފު ނުވަތަ މުވައްޒަފުންނެވެ.

 

7.02 ވަނަ މާއްދާ - އުޖޫރައަށް މީހުން ގެންގުޅުން

ދައުލަތުގެ އޮފީހެއްގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ މަސައްކަތެއް އިތުރުވެއްޖެ ހާލަތެއްގައި، ނުވަތަ މަސައްކަތެއް އަވަސްކުރަންޖެހިއްޖެ ހާލަތެއްގައި، ނުވަތަ މުވައްޒަފުން މަދުވެއްޖެ ހާލަތެއްގައި ވަކި މަސައްކަތެއް ނުވަތަ މަސައްކަތްތަކެއް ކުރުމަށް ފަންނީ މީހުން ނުވަތަ ފަންނީ ނޫން މީހުން، އެ މަސައްކަތަކަށް ކަނޑައެޅޭ ވަކި އުޖޫރައެއް ދޭގޮތަށް ގެންގުޅެވިދާނެއެވެ. މިގޮތުން އުޖޫރައަށް މީހުން ގެންގުޅެވޭނީ، މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.

 

7.03 ވަނަ މާއްދާ - މުވައްޒަފުންނަށް މުސާރަ ދިނުމަށް ޕޭމަންޓް ވައުޗަރު ތައްޔާރުކުރުން

މުވައްޒަފުންނަށް މުސާރަ ދިނުމަށް ޓަކައި ޕޭމަންޓް ވައުޗަރު ތައްޔާރުކުރުމުގައި އަސްލެއްކަމަށް ބަލާނީ، މުސާރަ ދިނުމަށްޓަކައި ތައްޔާރުކުރެވޭ މުސާރަށީޓާއި އެއާގުޅޭ އަސްލު ލިޔުންތަކެވެ. ޕޭމަންޓް ވައުޗަރު ހަދާނީ، މުސާރަށީޓުގައިވާ ތަފާތު ކޮލަމްތަކުގެ ޖުމުލަ ފައިސާ ތަފާތު އެކައުންޓުތަކަށް ދައްކަންޖެހޭނަމަ، ވަކިވަކި ޗެކު ހެދޭ ގޮތެއްގެ މަތީންނެވެ. މިގޮތުން ހަދަންޖެހޭ ކޮންމެ ޗެކަކަށް ބޭނުންވާ މައުލޫމާތު، އެ ވައުޗަރެއްގައި ހިމަނަންވާނެއެވެ.

 

7.04 ވަނަ މާއްދާ - މުސާރަ ދިނުން

(ހ) މުސާރައާއި އުޖޫރައާއި އިނާޔަތް ދޫކުރާނީ، މި ގަވާއިދުގައިވާ ގޮތުގެ މަތީން މިނިސްޓްރީން ހަމަޖައްސާ ގޮތެއްގެ މަތީންނެވެ.

(ށ) ބޭންކެއް ހުރި ރަށެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައާއި އުޖޫރައާއި އިނާޔަތުގެ ފައިސާ ދޫކުރާނީ، ޑައިރެކްޓް ކްރެޑިޓް ޓްރާންސްފަރއަކުން، އެ މުވައްޒަފަކުގެ ނަމުގައި އޮންނަ ބޭންކް އެކައުންޓަކަށެވެ. ވަޒީފާ އަދާކުރާ މުވައްޒަފުންނާއި، އަލަށް ވަޒީފާދޭ މުވައްޒަފުންނަށް ވަޒީފާ ހަމަޖެހުނުކަމުގެ ޗިޓު ލިބުމުން، މުސާރަ ޖަމާކުރަންވީ އެކައުންޓު ނަންބަރާއި، ބޭންކާއި ބްރާންޗް އެނގޭނޭ ސައްހަ ލިޔުމެއް މުވައްޒަފުގެ އަތުން ހޯދަންވާނެއެވެ.

(ނ) މުވައްޒަފު މަސައްކަތްކުރާ އޮފީސް ހުންނަ ރަށުގައި ބޭންކެއް ނެތްނަމަ، މުވައްޒަފު ލިޔުމަކުން އެދުމުން، އެ މުވައްޒަފެއްގެ މުސާރައާއި އުޖޫރައާއި އިނާޔަތް، ނަގުދު ފައިސާއިން ދެވިދާނެއެވެ. މީގެ އިތުރަށް ނަގުދު ފައިސާއިން މުސާރައާއި އުޖޫރައާއި އިނާޔަތް ދެވޭނީ، މުވައްޒަފަށް މަޖުބޫރު ހާލަތެއް މެދުވެރިވެގެން، އެކަން އެ އޮފީހަކުން ހުށަހެޅުމުން، އެކައުންޓަންޓް ޖެނެރަލް ލިޔުމަކުން ހުއްދަދިނުމުންނެވެ.

 

7.05 ވަނަ މާއްދާ - އުޖޫރައަށް ގެންގުޅޭ މީހުންނަށް ފައިސާ ދިނުން

(ހ) އުޖޫރައަށް ގެންގުޅޭ މީހުންނަށް ދޭންޖެހޭ ފައިސާ ވެސް ދޭންވާނީ، މި ގަވާއިދުގެ 7.04 ވަނަ މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތުގެ މަތީން، ނުވަތަ އެފަދަ މުވައްޒަފުން ހިދުމަތްކުރުމަށާއި އުޖޫރަ ދިނުމަށް އެއްބަސްވެފައިވާ ގޮތެއްގެ މަތީންނެވެ.

(ށ) އުޖޫރައަށް ގެންގުޅޭ މުވައްޒަފުންނަށް ދޭންޖެހޭ އުޖޫރަ ފައިސާގެ އަދަދު 1,000 (އެއްހާސް) ދިވެހި ރުފިޔާއަށްވުރެ ކުޑަނަމަ، ނަގުދުފައިސާއިން ދެވިދާނެއެވެ. މި ފައިސާ ދިނުމަށް ޕޭމަންޓް ވައުޗަރު ތައްޔާރުކުރާއިރު، މަސައްކަތްކޮށްފައިވާ ގަޑިތައް އެނގޭގޮތަށް އެ މުވައްޒަފަކާއި އެ އޮފީހެއްގެ މުވައްޒަފުންނާބެހޭ ކަންތައްތައް ބަލަހައްޓާ އެންމެ އިސްވެރިޔާ ސޮއިކޮށްފައިވާ ލިޔުމެއް، ނުވަތަ އިލެކްޓްރޯނިކް ޒަރީއާއިން ބަލަހައްޓާ ޓައިމްށީޓުގައި އެ މީހަކު މަސައްކަތްކުރި ގަޑިތައް އެނގޭނެ އަދި އެ އޮފީހެއްގެ މުވައްޒަފުންނާބެހޭ ކަންތައްތައް ބަލަހައްޓާ އެންމެ އިސްވެރިޔާ ގަބޫލުކުރާ ލިޔުމެއް އޮންނަންވާނެއެވެ.

 

7.06 ވަނަ މާއްދާ - މުވައްޒަފުން ލައްވައި ކުރުވާ މަސައްކަތަށް އަގުދޭން ނުޖެހުން

ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންގެ ވަޒީފާގެ ބަޔާނުގައި އެ މުވައްޒަފު ކުރަންޖެހޭނެކަމަށް ކަނޑައަޅައިފައިވާ މަސައްކަތްތައް ފިޔަވައި އޮފީހުގެ އެހެން މަސައްކަތެއް ކުރުވިކަމުގައި ވިޔަސް، އެ މަސައްކަތަކީ ބޭރުމީހަކު ލައްވައި އަގުދޭގޮތަށް ކުރުވި މަސައްކަތެއްގެ ގޮތުގައި އަގެއް ދީގެން ނުވާނެއެވެ.

 

7.07 ވަނަ މާއްދާ - ވަޒީފާއިން ނުވަތަ ހިދުމަތުން ވަކިވުމުން ދޭންޖެހޭ ފައިސާ ދިނުން

(ހ) ވަޒީފާއިން ވަކިވާ މުވައްޒަފުންނަށާއި، އެއް އޮފީހަކުން އަނެއް އޮފީހަކަށް ބަދަލުވާ މުވައްޒަފުންނަށް މުސާރައާއި އެހެނިހެން ގޮތްގޮތުން ދޭންޖެހޭ ފައިސާ، އެ މީހަކު ވަކިވި ނުވަތަ ބަދަލުވި މަހެއްގެ މުސާރަ ދޭއިރު ދޭންވާނެއެވެ.

(ށ) ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދޭނީ، ވަޒީފާއިން ވަކިކުރި ޗިޓުގައިވާ، ވަޒީފާއިން ވަކިކުރިކަމަށް ކަނޑައަޅައިފައިވާ ތާރީހާ ހަމައަށެވެ. ނަމަވެސް ޗިޓުގައިވާ ތާރީހުގައި އެ މުވައްޒަފަކު ވަކިކުރިކަން އެ މުވައްޒަފަކަށް އަންގައިފައި ނެތުމުގެ ސަބަބުން އެ މުވައްޒަފު އޮފީހަށް ނުކުމެ މަސައްކަތްކޮށްފައިވާނަމަ، އެންމެފަހުން އޮފީހަށް ނުކުމެ ހާޒިރުވިކަމަށް ރިކޯޑުކޮށް މަސައްކަތްކޮށްފައިވާ ދުވަހާ ހަމަޔަށް މުސާރާއާއި އިނާޔަތްތައް ދޭންވާނެއެވެ.

(ނ) އެއް އޮފީހަކުން އަނެއް އޮފީހަކަށް ބަދަލުކޮށްފައިވާ މުވައްޒަފަކަށް އެ މުވައްޒަފަކު ބަދަލުވި ތާރީހާ ހަމަޔަށް މުސާރައާއި އިނާޔަތްތައް ދޭނީ، އެ މުވައްޒަފަކު ކުރިން އުޅުނު އޮފީހަކުންނެވެ. ބަދަލުވި ތާރީހުން ފެށިގެން މުސާރައާއި އިނާޔަތްތައް ދޭނީ، އެ މުވައްޒަފަކު ބަދަލުވި އޮފީހަކުންނެވެ.

(ރ) ސެންޓްރަލް ޕޭމަންޓް ސިސްޓަމުގެ ތެރެއިން މުސާރަދޭ އޮފީސްތަކުން މުސާރަށީޓް ތައްޔާރުކުރުމަށްފަހު، މުސާރަ ދިނުމަށް ޓަކައި މިނިސްޓްރީއަށް ޕޭމަންޓް ވައުޗަރު ފޮނުވައިފައިވަނިކޮށް އޭގެފަހުން އެ މަހުގެ ދުވަހެއްގައި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އިތުރަށް ދެވިފައިވާ ފައިސާ އެ މުވައްޒަފެއްގެ އަތުން އަނބުރާ ހޯދަންވާނެއެވެ.

(ބ) މަހުގެ އެންމެފަހު ދުވަހަކީ ނުވަތަ ދުވަސްތަކަކީ ބަންދު ދުވަސްތަކަކަށްވާތީ، ބަންދުވުމުގެ ކުރީ ދުވަހު މުސާރަ ދީފައިވަނިކޮށް، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އޭނާއަށް އިތުރަށް ދެވިފައިވާ ފައިސާ އަނބުރާ ހޯދާކަށެއް ނުޖެހޭނެއެވެ.

(ޅ) ދައުލަތުގެ މުވައްޒަފަކު ގާނޫނީގޮތުން ބަންދުކޮށްފައި ހުރުމުގެ ސަބަބުން ބަދަލުގައި މީހަކު ހޯދާނަމަ، ބަދަލުގައި ހޯދާ މީހާގެ މުސާރަ ދޭންވާނީ، ބަންދުކޮށްފައި ހުންނަ މީހާގެ މުސާރައިގެ އައިޓަމުންނެވެ.

(ކ) މި މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތީން ބަދަލުގައި ހޯދި މީހާއަށް މުސާރަދީފައި ވަނިކޮށް، ބަންދުކޮށްފައި ހުރި މުވައްޒަފުގެ މައްޗަށް ކުށެއް ސާބިތުނުވެ މައްސަލަ ނިމިއްޖެނަމަ، ބަންދުކޮށްފައި ހުރި މުވައްޒަފަށް މުސާރަ ދިނުމަށް ބޭނުންވާ ފައިސާގެ ކަންތައް ހަމަޖައްސާނީ، އެ އޮފީހެއްގެ މުސާރައިގެ އައިޓަމުންނެވެ. މިގޮތަށް ހަމަޖެއްސެން ނެތްނަމަ، މިނިސްޓްރީއަށް ލިޔެގެން އެ ފައިސާ ހޯދާނީއެވެ.

(އ) މުވައްޒަފަކު ވަޒީފާއިން ވަކިވާ މަހު، މުސާރަ ދޭންވާނީ، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީސް މެދުވެރިކޮށް މުސާރައިން ކަނޑާގޮތަށް ދައްކަންޖެހޭ ފައިސާއެއް އޮތްނަމަ، އެ ފައިސާއެއް ކެނޑުމަށްފަހުގައެވެ. މިގޮތުން މުވައްޒަފަކު ދައްކަންޖެހޭ ފައިސާގެ އަދަދު، އެ މުވައްޒަފަކަށް ދޭންޖެހޭ މުސާރައަށްވުރެ ބޮޑުނަމަ، އިތުރަށް ދައްކަންޖެހޭ ފައިސާ ދެއްކުމާމެދު ގޮތެއް ހަމަޖެއްސުމަށް ފައިސާ ލިބެންޖެހޭ ފަރާތާއި އެ މުވައްޒަފަކަށް ލިޔުމަކުން އަންގަންވާނެއެވެ.

 

7.08 ވަނަ މާއްދާ - މުވައްޒަފުންނާ ގުޅޭ މައުލޫމާތު ބަޖެޓު ހެދުމަށް ދިނުން

(ހ) ބަޖެޓު ތައްޔާރުކުރުމަށް ޓަކައި އެ އޮފީހަކުން ބޭނުންވާ މުވައްޒަފުންނާބެހޭ މައުލޫމާތުށީޓް، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން، އެ އޮފީހެއްގެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނުން ތައްޔާރުކޮށްފައި، ބަޖެޓު ހަދާ ސެކްށަނަށް ހުށަހަޅަންވާނެއެވެ. މި ށީޓް ތައްޔާރުކުރާނީ، މުވައްޒަފުންނާބެހޭ ތިރީގައިމިވާ މައުލޫމާތު ހިމަނައިގެންނެވެ.

  1. މަގާމުގެ ނަމާއި ނަންބަރު؛
  2. މަގާމު އޮތީ ހުސްކޮށްކަން، ނުވަތަ އެ މަގާމުގައި މީހަކު ހުރިކަން (މަގާމުގައި މީހަކު ހުރިނަމަ، އެ މީހެއްގެ ނަމާއި އެޑްރެހާއި، ހިދުމަތުގެ ރިކޯޑުކާޑު ނަންބަރާއި، އުފަންތާރީހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު އެނގެން އޮންނަންވާނެއެވެ.)؛
  3. މަގާމުގެ މުސާރައިން އަހަރަކަށް ޖެހޭ ޖުމުލަ އަދަދު؛
  4. މަގާމަށް އެލަވަންސެއް ކަނޑައެޅިފައިވާނަމަ، އެ އެލަވަންސްގެ ގޮތުގައި އަހަރަކަށްޖެހޭ ޖުމުލަ އަދަދު؛
  5. މުސާރައިގެ ކުރިއެރުން ލިބެންޖެހޭ މަގާމުތަކާއި، ތާރީހާއި، އަދަދު.

(ށ) ކުރިޔަށް އޮންނަ އަހަރުގެ ބަޖެޓު ތައްޔާރުކޮށް ހުށަހަޅާއިރު، މުވައްޒަފުންނަށް ހިނގާ ހަރަދު ލަފާކުރާނީ، މި މާއްދާގެ (ހ) ގައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށްގެންނެވެ. އަދި އާންމުގޮތެއްގައި ވަޒީފާގެ ކުރިއެރުން ދެވެމުންދާ ގޮތާއި، ދޭންޖެހޭ އަދަދާއި، އެ ތަނެއްގައި އިތުރު ހިދުމަތެއް ދިނުމަށް ރޭވިފައިވާނަމަ އެކަމަކާއި، އެކަމަށް ބޭނުންވާނެ މުވައްޒަފުންގެ އަދަދާއި، އެކަމަށް ބޭނުންވާނެ ފައިސާގެ ޖުމުލަ އަދަދާއި، އިތުރު މަގާމުތަކެއް އުފައްދައިގެން މުވައްޒަފުން އިތުރުކުރުމަށް ރާވައިފައިވާނަމަ އެ މައުލޫމާތާއި، އެކަމަށް ބޭނުންވާނެ ފައިސާގެ ޖުމުލަ އަދަދު އެނގެން އޮންނަންވާނެއެވެ.

(ނ) ކޮންމެހެން މަގާމެއް އުފައްދަން ޖެހިއްޖެނަމަ، ނުވަތަ ބަޖެޓުގައި ނެތް އެއްޗެއް މުވައްޒަފުންނަށް ދޭންޖެހިއްޖެނަމަ، އެކަން ކުރަންވާނީ، އެ އިދާރާއެއްގެ މުސާރައިގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސޭނެނަމަ، މިނިސްޓްރީއަށް އެކަމުގެ ސަބަބު ބަޔާންކޮށް ލިޔެ ހުއްދަ ހޯދުމަށްފަހުގައެވެ.

(ރ) ދައުލަތުގެ ކޮންމެ އޮފީހެއްގައި ވެސް، އެ ތަނުގެ ފަރާތުން މުސާރަދޭ، ދާއިމީ މުވައްޒަފުންގެ ރަޖިސްޓަރީއެއް އޮންނަންވާނެއެވެ. މި ރަޖިސްޓަރީ އޮންނަންވާނީ، ކޮންމެ މުވައްޒަފެއްގެ މަގާމަށާއި މުސާރައަށް އަންނަ ބަދަލުތައް އެނގޭނޭ ގޮތަށެވެ. މި ރަޖިސްޓަރީގައި، ތިރީގައިވާ މައުލޫމާތު ހުންނަންވާނެއެވެ.

  1. މުވައްޒަފުގެ ނަމާއި އެޑްރެސް؛
  2. މުވައްޒަފުގެ ހިދުމަތުގެ ރިކޯޑު ކާޑު ނަންބަރު؛
  3. މުވައްޒަފުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
  4. މުވައްޒަފުގެ މަގާމާއި ކްލެސިފިކޭށަން؛
  5. މުވައްޒަފުގެ މަގާމުގެ ނަންބަރު؛
  6. މުވައްޒަފަށް ވަޒީފާ ދިން ޗިޓުގެ ނަންބަރާއި ތާރީހު؛
  7. މުސާރަ؛
  8. އެލަވަންސްތައް؛
  9. އިތުރު މައުލޫމާތު.

(ބ) ދާއިމީ މުވައްޒަފުންގެ ރަޖިސްޓަރީ އޮންނަންވީ ގޮތުގެ ނަމޫނާ MG/BC10)) މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައި ވާނެއެވެ.

 

7.09 ވަނަ މާއްދާ - މަގާމަށް މީހުން ހަމަޖެއްސުމާއި، މަގާމުގެ ކުރިއެރުން ދިނުން

(ހ) ހުއްދަދީފައިވާ މަގާމަކަށް މެނުވީ މީހަކު ވަޒީފާއަށް ހަމަޖައްސައިގެން ނުވާނެއެވެ. އަދި ހަމަޖައްސާ ވަޒީފާއަކީ ހުސްކޮށް އޮތް މަގާމަކަށް ވުމާއެކު، ބަޖެޓުގައި "މުވައްޒަފުންނަށް ހިނގާ ހަރަދު" ގެ އައިޓަމަށް ފައިސާ ލިބިފައިވާ މަގާމަކަށް ވާންވާނެއެވެ.

(ށ) މަގާމުގައި ހުރި މީހަކު ވަކި މުއްދަތެއް ހަމަވުމުން މުސާރަ ބޮޑުވާގޮތަށް ހަމަޖެހިފައިވާ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރައާއި އެލަވަންސް ބޮޑުކުރަންވާނީ، އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގައިވާ ގޮތުގެ މަތީން ބަޖެޓުގައި ފައިސާ ހުރެގެންނެވެ.

 

7.10 ވަނަ މާއްދާ - މުސާރައާއި އެހެނިހެން އެލަވަންސްތަކަށް ގެންނަ ބަދަލު

(ހ) މުވައްޒަފެއްގެ މަގާމަށް ނުވަތަ ވަޒީފާއަށް އަންނަ ބަދަލަކާ ގުޅިގެން ދެވޭ މުސާރައަށް ނުވަތަ އެލަވަންސަކަށް ބަދަލެއް އަންނަނަމަ، އެ ގެނެވޭ ބަދަލެއް މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ށ) މުވައްޒަފަކަށް މުސާރައިގެ ކުރިއެރުމެއް ދޭނަމަ، އެ ކުރިއެރުމެއް ދިނުމުގެ ކުރިން އެކަމާ ގުޅޭގޮތުން މާލީ ޒިންމާދާރު ވެރިޔާއާ މަށްވަރާކޮށް، ބަޖެޓުގައި ފައިސާ ހުރިކަން ޔަގީންކުރަންވާނެއެވެ. އަދި ބަޖެޓުގައި ފައިސާ ހުރިނަމަ، އެ މުވައްޒަފަކަށް ވަޒީފާދިން ފަރާތުން ހަމަޖައްސާ ގޮތެއްގެ މަތީން މުސާރައިގެ ކުރިއެރުން ދޭންވާނެއެވެ.

(ނ) އަލަށް ވަޒީފާދޭ މުވައްޒަފުންނާއި، އެއް ތަނުން އަނެއް ތަނަށް ބަދަލުވާ މުވައްޒަފުންގެ މައުލޫމާތު މިނިސްޓްރީއަށް އަންގަންވާނީ، އެ ބަދަލުތައް އެނގޭނޭ ގޮތަކަށް އެކުލަވައިލައިފައިވާ ޗިޓަކުންނެވެ.

(ރ) ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ މައުލޫމާތާއި، މަސައްކަތުން ދުރުކުރާ މުވައްޒަފުންގެ މައުލޫމާތު ވެސް އަންގާނީ، އެ ބަދަލުތައް އެނގޭނޭ ގޮތަކަށް އެކުލަވައިލައިފައިވާ ޗިޓަކުންނެވެ.

 

7.11 ވަނަ މާއްދާ - މުސާރައާއި އުޖޫރައިގެ ޓައިމްށީޓް ނުވަތަ ރިކޯޑު ބެލެހެއްޓުން

(ހ) ދައުލަތުގެ ކޮންމެ އޮފީހެއްގައި، ދާއިމީ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުން ރަސްމީގަޑިއަށް ހާޒިރުވިކަން އެނގޭނެ ރަޖިސްޓަރީއެއް ނުވަތަ ރިކޯޑެއް އޮންނަންވާނެއެވެ. ނުވަތަ އިލެކްޓްރޯނިކް ވަސީލަތަކުން ނަމަވެސް އެކަން އެނގެން އޮންނަންވާނެއެވެ. މުސާރައާއި އުޖޫރައިގެ ފައިސާ ދޫކުރާނީ، ޓައިމްށީޓް ނުވަތަ ރިކޯޑުގެ މައްޗަށް ބިނާކޮށްގެން ހަދާ މުސާރަށީޓަށް ބަލައިގެންނެވެ.

(ށ) ހާޒިރީ ބެލެހެއްޓުމާއި، ގަޑިޖެހުނު މުވައްޒަފުން ފާހަގަކުރުމާއި، ހާޒިރީއާބެހޭ އެހެނިހެން ރިކޯޑުތައް ވެސް، MG/BC11 ގައި ހިމެނިފައިވާ ނަމޫނާއާ އެއްގޮތަށް ބެލެހެއްޓުން، އޮފީހުގެ ވަކި މުވައްޒަފަކާ ހަވާލުކުރަންވާނެއެވެ. އަދި ރިކޯޑު ބަލަހައްޓާ މުވައްޒަފުގެ ނަން މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ނ) މުވައްޒަފަކު ގަޑިޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ގަޑީލާރި ކަނޑަންވާނެއެވެ.

 

7.12 ވަނަ މާއްދާ - މުސާރައާއި އުޖޫރައިން ފައިސާ އުނިކުރުން

(ހ) މުވައްޒަފަކަށް ލިބޭ މުސާރައާއި އުޖޫރައިގެ ފައިސާއިން އެއްވެސް އަދަދެއްގެ ފައިސާއެއް އުނިކުރެވޭނީ، ގާނޫނަކުން ނުވަތަ ށަރުއީ ކޯޓަކުން އަންގާ އެންގުމަކާ ގުޅިގެންނެވެ. މިއާ ހިލާފަށް އަމަލުކުރެވޭނީ، އަންނަނިވި ހާލަތްތަކުގައި އެކަންޏެވެ.

  1. މުވައްޒަފެއްގެ ފަރާތުން ފައިސާ އުނިކުރުމަށް ލިޔުމެއް ނުވަތަ އެކަމަށް އެއްބަސްވުމެއް ލިބިގެން؛
  2. މުވައްޒަފަކަށް ލިބޭ މުސާރައާއި އުޖޫރައިގެ ފައިސާއިން ގަޑީލާރި އުނިކުރުމަށް؛
  3. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެޑްވާންސަށް ނަގައިފައިވާ ފައިސާއެއް ނުވަތަ ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް އަނބުރާ ދެއްކުމަށް.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ފައިސާ މިނިސްޓްރީގެ ހިސާބުގައި ހިމަނާނީ، އެކަމަށް ކަނޑައެޅިފައިވާ ކޯޑެއްގައެވެ.

 

7.13 ވަނަ މާއްދާ - ރަށުން ބޭރުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ އެހެން ފަރާތަކާ ހަވާލުކުރުން

ދިގު މުއްދަތަކަށް ރަށުން ބޭރުގައި ވަޒީފާ އަދާކުރަން ޖެހިފައިވާ މުވައްޒަފުން، ރަށުން ބޭރުގައި މަސައްކަތްކުރާ މުއްދަތުގެ ތެރޭގައި، އެ މުވައްޒަފެއްގެ މުސާރަ ނުވަތަ މުސާރައިން ބައެއް އެހެން ފަރާތަކާ ހަވާލުކުރަން ބޭނުންވާނަމަ، އެ މުވައްޒަފަކު މަސައްކަތްކުރާ އޮފީހަކަށް ލިޔުމަކުން އެކަން އެންގުމުން، އެގޮތަށް ހަމަޖައްސައިދެވިދާނެއެވެ.

 

7.14 ވަނަ މާއްދާ - މުސާރަށީޓް ތައްޔާރުކުރުން

(ހ) ދައުލަތުގެ އޮފީސްތަކުން މުސާރަށީޓް ތައްޔާރުކުރުމުގައި އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އަތުން ލިޔެގެން މުސާރަށީޓް ތައްޔާރު ކުރެވިދާނެއެވެ. މިގޮތުން ތައްޔާރުކުރާ މުސާރަށީޓުގައިވާ އަދަދުތައް، ހަރަދުކުރުމަށް ހުއްދަދޭ ފޮތުގައި ނުވަތަ ފައިސާ ހަރަދުކުރުމުގެ ވައުޗަރުގައި ލިޔާއިރު، މުސާރައިގެ ހުރިހާ ތަފުސީލެއް ލިޔުމުގެ ބަދަލުގައި ބޭނުންކުރާނީ، މުސާރަށީޓުގައިވާ ޖުމުލަ އަދަދުތަކެވެ. މުސާރަށީޓުގައިވާ ޖުމުލަ އަދަދުތަކާއި، ދޫކުރެވޭ ޗެކުތަކުގެ ޖުމުލަ އަދަދުތަކާ ދިމާވާންވާނެއެވެ.

(ށ) މުސާރަށީޓް ތައްޔާރުކުރަންވީ ގޮތުގެ ނަމޫނާއާއި މުސާރަ ފައިސާ ހަރަދުކުރުމަށް ހުއްދަދޭ ވައުޗަރު ލިޔަންވީ ގޮތުގެ ނަމޫނާ ފޯމު، MG/BC12 އާއި MG/BC13ގައި ވާނެއެވެ.

(ނ) ދައުލަތުގެ ކޮންމެ އޮފީހެއްގައި ވަޒީފާ އަދާކުރަމުންގެންދާ މުވައްޒަފުންގެ މުސާރަށީޓް، ކޮންމެ މަހަކު ތައްޔާރުކުރަންވާނެއެވެ. މުސާރަށީޓުގައި، ކޮންމެ މުވައްޒަފެއްގެ މުސާރައިގެ ތަފުސީލާއި، ޖުމުލަ މުސާރައާއި، އެލަވަންސާއި، މުސާރައިން ކެނޑި އަދަދާއި، އެ މުވައްޒަފަކަށް ލިބެންޖެހޭ ޖުމުލަ އަދަދާއި، ތަފުސީލު އެނގެން ބޭނުންވާ އެހެން ކަމެއް ވާނަމަ އެކަމެއް ވެސް ތަފުސީލުކޮށް އެނގެން އޮންނަންވާނެއެވެ. އަދި އެ މުވައްޒަފެއްގެ އެކައުންޓަށް މުސާރައިގެ ފައިސާ ޖަމާކުރުމަށްފަހު، އެ މުވައްޒަފަކަށް ދޭ ސްލިޕުން ވެސް މި މައުލޫމާތު އެނގެން އޮންނަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ތައްޔާރުކުރާ މުސާރަސްލިޕް އެ މުވައްޒަފަކަށް ލިބޭނެ އިންތިޒާމެއް، އެ އޮފީހަކުން ހަމަޖައްސަންވާނެއެވެ.

(ބ) ދައުލަތުގެ އޮފީސްތަކުން މުސާރަށީޓުތައް ބެލެހެއްޓުމުގައި އަމަލުކުރާނީ، ފައިސާއާބެހޭ އެހެނިހެން ލިޔެކިޔުންތައް ބެލެހެއްޓުމުގައި އަމަލުކުރުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުންނެވެ.

 

7.15 ވަނަ މާއްދާ - މުސާރައާއި އުޖޫރަ އިތުރަށް ދެވިއްޖެނަމަ އަނބުރާ ހޯދުމާއި، ހަވާލުނުވެ ހުންނަ ފައިސާއާމެދު އަމަލުކުރަންވީ ގޮތް

(ހ) މުސާރައާއި، އެކިއެކި އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، މިނޫންވެސް މުވައްޒަފުންނަށް ދޭންޖެހޭ އެއްވެސް ފައިސާއެއް ދިނުމުގައި ދޭންޖެހޭވަރަށްވުރެ އިތުރަށް ފައިސާ ދެވިއްޖެނަމަ، ފައިސާ އިތުރަށް ލިބުނު މުވައްޒަފެއްގެ އަތުން އެ ފައިސާ އަނބުރާ ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އިތުރަށް ދެވުނު ފައިސާގެ އަދަދަކީ، އެ މުވައްޒަފަކަށް މުސާރައާއި އެލަވަންސަށް މަހަކަށް ލިބޭ ޖުމުލަ އަދަދުގެ %20 (ވިހި އިންސައްތަ) އަށްވުރެ ކުޑަ އަދަދެއްނަމަ، އެއްފަހަރާ އެ ފައިސާ ހޯދަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އިތުރަށް ދެވުނު ފައިސާގެ އަދަދަކީ އެ މުވައްޒަފަކަށް މުސާރައާއި އެލަވަންސަށް މަހަކަށް ލިބޭ ޖުމުލަ އަދަދުގެ 20% (ވިހި އިންސައްތަ) އަށްވުރެ ބޮޑު އަދަދަކަށް ވެފައި، އެ ފައިސާ އެއްފަހަރާ ދެއްކުމަށް އެ މުވައްޒަފަކު އުޒުރުވެރިވާނަމަ އެ ފައިސާ ހޯދާނީ، މާލީ ޒިންމާދާރު ވެރިޔާއާއި އެ މުވައްޒަފަކު އެއްބަސްވާ ގޮތެއްގެ މަތީންނެވެ. މިގޮތުން މަހަކަށް ކެނޑޭނެ އެންމެ ކުޑަ އަދަދަކީ، އަސާސީ މުސާރައިގެ %20 (ވިހި އިންސައްތަ) އެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މުވައްޒަފަކު ދައްކަންޖެހޭ ފައިސާ މި ގަވާއިދުގައިވާ ގޮތުގެ މަތީން ދައްކަން އެންގުމުން އެ ފައިސާ ނުދައްކައިފިނަމަ، އެ ފައިސާ ހޯދާނީ، ށަރުއީ ކޯޓަކަށް ހުށަހަޅައިގެންނެވެ.

(ބ) މުސާރަދޭ ދުވަހު ދިމާވާ މަގުބޫލު ސަބަބަކާހުރެ ހުރިހާ މުވައްޒަފުންނަށް މުސާރަ ނުދެވިއްޖެނަމަ، ޖެހިގެން އަންނަ ދުވަހު ނުވަތަ ވީ އެންމެ އަވަސް ފުރުސަތެއްގައި، މުސާރަ ނުދެވި ތިބި މުވައްޒަފުންނަށް މުސާރަދީ ނިންމަންވާނެއެވެ.

 

7.16 ވަނަ މާއްދާ - މުސާރައާއި އުޖޫރަ ތައްޔާރުކުރުމުގެ މަސައްކަތްކުރުން

(ހ) މުސާރައާއި އުޖޫރަ ދިނުމަށް ޓަކައި، މުސާރަށީޓް ތައްޔާރުކުރުމުގެ މަސައްކަތުގައި އުސޫލެއްގެގޮތުން މަދުވެގެން 3 (ތިނެއް) މުވައްޒަފުން ބައިވެރިކުރަންވާނެއެވެ. ފުރަތަމަ މުވައްޒަފު ތައްޔާރުކުރާނީ، މުސާރައާއި އުޖޫރައަށް ޖެހޭ އަދަދު ބަލައިގެން، މުސާރަށީޓެވެ. ދެވަނަ މުވައްޒަފު، އެހެނިހެން ތަފުސީލާއި ހިސާބު ހެދިފައިވަނީ ރަނގަޅަށްތޯ ބަލައި ޔަގީންކުރަންވާނެއެވެ. ތިންވަނަ މުވައްޒަފު ފައިސާ ދޫކުރުމަށް ހުއްދަދޭނީއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މުސާރަށީޓް ތައްޔާރުކުރުމުގައި، މުވައްޒަފުން މަދުވުމުގެ ސަބަބުން އެ މަސައްކަތުގައި 3 (ތިނެއް) މުވައްޒަފުން ބައިވެރިނުކުރެވުނު ކަމުގައި ވިޔަސް، 1 (އެކެއް) މުވައްޒަފަކު ހުރިހާ މަސައްކަތެއް ނުކުރުމަށް، ވީވަރަކުން، މާލީ ޒިންމާދާރު ވެރިޔާ ބާރުއަޅަންވާނެއެވެ.

 

7.17 ވަނަ މާއްދާ - ރަމަޒާންމަހުގެ އިނާޔަތުގެ ފައިސާ

(ހ) ދައުލަތުގެ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރަމަޒާންމަހުގެ އިނާޔަތް ދޭނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީންނާއި، ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތީންނެވެ.

(ށ) ރަމަޒާންމަހުގެ އިނާޔަތުގެ ފައިސާ، ރަމަޒާންމަސް ފެށުމުގެ ކުރިން ދޭންވާނެއެވެ. އިނާޔަތުގެ ފައިސާ ދޭންޖެހޭ ދުވަސް ބަންދު ދުވަހަކާ ދިމާވާނަމަ، އެ ފައިސާ ދޭނީ، އޭގެ ކުރިން އަންނަ ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުންކުރެ ދުވަހަކުއެވެ. 

(ނ) ރަމަޒާންމަހުގެ ތެރޭގައި އަލަށް ވަޒީފާ ދޭ މުވައްޒަފުންނަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރަން ފަށާ ދުވަހުން ފެށިގެން ރަމަޒާންމަހުގެ ނިޔަލަށް ޖެހޭ އިނާޔަތުގެ ފައިސާ، ވަޒީފާ އަދާކުރަން ފަށާ ތާރީހުން ފެށިގެން ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި ދޭންވާނެއެވެ. މިގޮތަށް ފައިސާ ދިނުމުގައި ދުވާލަކަށް ޖެހޭ ފައިސާ ބަލާނީ، 30 (ތިރީސް) އިން ގެއްލައިގެންނެވެ.

(ރ) އެޑްވާންސް ފައިސާގެ ގޮތުގައި ފައިސާ ދޫކުރެވިފައިވާ ފަރާތްތަކުން، އެ ތަނެއްގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތު ފައިސާ ދެވޭވަރަށް ފައިސާ ނެތި މަދުވާނަމަ، އެ މަދުވާ އަދަދަށް ޕޭމަންޓް ވައުޗަރު ތައްޔާރުކުރުމަށްފަހު، ރަމަޒާންމަހުގެ އިނާޔަތު ފައިސާ ދިނުމަށް ކަނޑައަޅައިފައިވާ ދުވަހުގެ 7 (ހަތެއް) ދުވަހުގެ ކުރިން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

 

7.18 ވަނަ މާއްދާ - މޯބައިލްފޯނު ހޯދައިދިނުމާއި، ފޯނުއެލަވަންސް ދިނުން

ދައުލަތުގެ ހަރަދުގައި އެއްވެސް މުވައްޒަފަކަށް މޯބައިލްފޯނު ހޯދައިދީގެން ނުވާނެއެވެ. ނަމަވެސް ދައުލަތުގެ ހިދުމަތުގައި ގިނަވަގުތު އުޅެންޖެހޭ މުވައްޒަފުންނަށާއި، ހާއްސަ ކަމެއް ދިމާވެގެން އެކަމުގައި އުޅެންޖެހޭ މުވައްޒަފުންނަށް ފޯނު އެލަވަންސެއް ދެވިދާނެއެވެ. މިގޮތުން ފޯނު އެލަވަންސްގެ ގޮތުގައި ފައިސާދޭނެ އަދަދު ކަނޑައަޅަންވާނީ، ޕޭ ކޮމިށަނާ މަށްވަރާކޮށްގެންނެވެ.

 

7.19 ވަނަ މާއްދާ - މުވައްޒަފުންގެ މުސާރައާއި އިތުރުގަޑީގެ ހިސާބު ނިންމައި ހުށަހެޅުން

(ހ) މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާގެ ހިސާބުކުރުމުގައި ބަލާނީ، ނިމިގެންދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ހިނގާ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަށެވެ.

(ށ) މުވައްޒަފުންގެ މުސާރަށީޓް ތައްޔާރުކުރުމުގައި ދުވަސް ބަލާނީ، ހިނގާ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަށެވެ. މުސާރައިގެ ޕޭމަންޓް ވައުޗަރުތައް ތައްޔާރުކޮށް، ކޮންމެ މީލާދީ މަހެއްގެ 20 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ. 20 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްނަމަ، ވައުޗަރުތައް ފޮނުވާނީ، 20 ވަނަ ދުވަހުގެ ކުރިން އަންނަ ސަރުކާރު ބަންދު ނޫން ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިންނެވެ.

(ނ) މުސާރަށީޓް ހުށަހެޅުމުގެ ފަހުން މުވައްޒަފަކު އަތުން ފައިސާއެއް ކަނޑަންޖެހޭގޮތަށް ދިމާވެއްޖެނަމަ، ޖެހިގެން އަންނަ މަހު އެ މުވައްޒަފަކަށް މުސާރަ ދޭއިރު، އެ މުވައްޒަފަކު އަތުން ކަނޑަންޖެހޭ ފައިސާގެ ކަންތައް ހަމަޖައްސަންވާނެއެވެ.

 

7.20 ވަނަ މާއްދާ - ވަގުތީގޮތުން ވީއްލާ މުވައްޒަފުންނަށް ދޭންޖެހޭ އެލަވަންސްތައް ދިނުން

ދައުލަތުގެ އެއް އޮފިހުން އަނެއް އޮފިހަށް ވަގުތީގޮތުން ވީއްލާ މުވައްޒަފުންނަށް ދޭންޖެހޭ ކޮއްތާއި އެލަވަންސާއި އިތުރުގަޑީގެ ފައިސާއާއި މިބާވަތުގެ ކަންތައްތަކަށް ހަރަދުކުރުމަށް ދޭންޖެހޭ ފައިސާ ދޭންވާނީ، އެ މުވައްޒަފެއްގެ ހިދުމަތް ވަގުތީގޮތުން ލިބޭ ދައުލަތުގެ އޮފީހަކުންނެވެ.

 

7.21 ވަނަ މާއްދާ - ދައުލަތުގެ މުވައްޒަފުންގެ ޕެންށަން

(ހ) ދައުލަތުގެ އޮފީސްތަކުގައި ވަޒީފާ އަދާކުރާ އެންމެހައި މުވައްޒަފުންނަށް ޕެންށަން ދޭނީ، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވިޔަސް، ރާއްޖެއިން ބޭރުގައި ހުންނަ ދައުލަތުގެ އޮފީސްތަކުގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންނަށް ޕެންށަން ދިނުމުގައި އަމަލުކުރާނީ، އެ ގައުމެއްގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) ދައުލަތުގެ އޮފީސްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައިން ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ކަނޑަންޖެހޭ ފައިސާއާއި ދައުލަތުގެ ފަރާތުން އެ މުވައްޒަފުންނަށް ޖަމާކޮށްދޭންޖެހޭ ފައިސާ ހަރަދުކުރާނީ، އެކައުންޓަންޓް ޖެނެރަލް ނިންމާ ގޮތެއްގެ މަތީން، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ދައުލަތުގެ އޮފީހަކުންނެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ދައްކަންޖެހޭ ފައިސާ، މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތީން އެ އޮފީހަށް ދައްކަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) ގައި ބަޔާންކޮށްފައިވާ ރިޓަޔަރމަންޓް ޕެންށަން ސްކީމަށް އެ މުވައްޒަފެއްގެ މުސާރައިން ކަނޑާ ފައިސާއާއި ދައުލަތުން ޖަމާކޮށްދޭ ފައިސާގެ ހިސާބު، އެ މުވައްޒަފަކަށް މުސާރަދޭ ދައުލަތުގެ އޮފީހަކުން އެނގެން އޮންނަންވާނެއެވެ.

(ޅ) ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ކުރިން ދައުލަތުގެ ބަޖެޓުން ދެމުންއައި ޕެންށަން ފައިސާ ދޫކުރުމާއި، އެކަމާ ގުޅޭ ރިކޯޑުތައް ބަލަހައްޓަމުން ގެންދާނީ، މިނިސްޓަރު ނިންމާ ގޮތެއްގެ މަތީންނެވެ.

 

7.22 ވަނަ މާއްދާ - ދައުލަތުގެ ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ފައިސާ ޖަމާކުރުން

(ހ) ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ފައިސާ ދެއްކުމުގައި، ދައުލަތުގެ އޮފީސްތަކުން އަމަލުކުރަމުން ގެންދާނީ، ތިރީގައިމިވާ ގޮތުގެ މަތީންނެވެ.

  1. ޕެންށަނަށް ބަލާ މުސާރައިގެ (ޕެންށަނަބަލް ވޭޖުގެ) ތެރެއިން އެ މުވައްޒަފަކު ދައްކަންޖެހޭ އަދަދު އުނިކޮށް، އެ އަދަދު ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ފައިސާ ޖަމާކުރުމަށް ޓަކައި، "މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމް" ގެ "ރިސިޕްޓް ނޯޓިސް" ފޯމުގައި ހިމަނަންވާނެއެވެ. މުވައްޒަފުންނަށް މުސާރަ ދޭނީ، ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ދައްކަންޖެހޭ އަދަދު އުނިކުރުމަށްފަހު، އެ މުވައްޒަފަކަށް ދޭންޖެހޭ އަދަދެވެ.
  2. އެ މުވައްޒަފަކު ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ދައްކަންޖެހޭ ފައިސާގެ އަދަދާއެކު "އެ މުވައްޒަފަކަށް ވަޒީފާ ދީފައިވާ ފަރާތުން" ސްކީމަށް ދައްކަންޖެހޭ ފައިސާގެ އަދަދު ވެސް "ރިސިޕްޓް ނޯޓިސް" ގައި ހިމަނައިފައި އޮންނަންވާނެއެވެ.
  3. ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ދައްކަންޖެހޭ ފައިސާގެ ހިސާބު، މި މާއްދާގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުން އެ މުވައްޒަފަކަށް މުސާރަދޭ ތަނަކަށް ލިބުމުން، އެ ހިސާބުތައް އެ ތަނަކުން ޗެކުކޮށް ސައްހަކަން ޔަގީންކުރުމަށްފަހު، ކޮންމެ މަހެއްގެ މުސާރަ ދިނުމަށް މިނިސްޓްރީއަށް ހުށަހަޅާއިރު އެ "ރިސިޕްޓް ނޯޓިސް" ހުށަހަޅަންވާނެއެވެ.

(ށ) ކޮންމެ މުވައްޒަފަކަށް ވެސް ވަޒީފާ ދީފައިވާ ފަރާތުން ސްކީމަށް ދައްކަންޖެހޭ ފައިސާ ދޫކުރާނީ، މިނިސްޓްރީން އެކަމަށް ކަނޑައެޅިފައި އޮންނަ ބަޖެޓު އައިޓަމަކުން ކަމަށްވާތީ، މިނިސްޓްރީއަށް ހުށަހަޅައިގެން މުސާރަދޭ ދައުލަތުގެ އޮފީސްތަކުން މުސާރަށީޓް ފޮނުވާއިރު "ރިސިޕްޓް ނޯޓިސް" ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، ]ރިސިޕްޓް ނޯޓިސް[ ފޮނުވުމުގައި އަތޮޅުތަކުގައި ހުންނަ ދައުލަތުގެ އޮފީސްތަކާއި ލޯކަލް ކައުންސިލްތަކުން ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ފައިސާ ޖަމާކުރާއިރު، އެ މުވައްޒަފަކަށް ވަޒީފާ ދިން ފަރާތުން ސްކީމަށް ދައްކަންޖެހޭ ފައިސާ އެ ތަނަކަށް ފޮނުވައިފައިހުރި ފައިސާއިން ޖަމާކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ފައިސާ ޖަމާކުރުމަށްފަހު، އެ މުވައްޒަފަކަށް ވަޒީފާ ދީފައިވާ ފަރާތުން ސްކީމަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި ޖަމާކުރެވުނު ފައިސާ ހޯދުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

ބާބު 8

ދަތުރު ހަރަދާއި، ޖަލްސާތަކާއި ބައްދަލުވުންތަކަށް ކުރާ ހަރަދު

 

8.01 ވަނަ މާއްދާ - ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާއި ރާއްޖެއިން ބޭރުގައި ކުރާދަތުރުތަކަށް ހުއްދަދިނުން

(ހ) ދައުލަތުގެ އެއްވެސް އޮފީހަކުން ރާއްޖެއިން ބޭރަށް ދަތުރެއް ކުރާނަމަ، އެ ދަތުރެއް ކުރަންވާނީ، އެ ދަތުރެއް ރާވާ އިސް އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާގެ ހުއްދަޔާއެކު މި މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ ޓީ ފޯމު (ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ހުއްދަ) MG/BC14 މިނިސްޓްރީއަށް ހުށަހަޅައި ހުއްދަ ހޯދުމަށް ފަހުގައެވެ. މި ފޯމު ފުރިހަމަކޮށްފައި ހުށަހެޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައްތަކާއި، އެ ދަތުރު ނިމުމަށްފަހު ހުށަހަޅަންޖެހޭ މައުލޫމާތު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ބަޖެޓުގައި ހިމެނިފައިނުވާ ދަތުރެއް ކުރުމަށް ހުށަނޭޅުމާއި، ބަޖެޓުގައި ހިމެނޭ ދަތުރެއްނަމަ، އެ ދަތުރުގެ ދިގުމިނާއި، އެ ދަތުރުން ހާސިލުކުރަން ބޭނުންވާ ނަތީޖާއާއި ސިޔާސަތު ހިމެނުން؛
  2. އެހެން އޮފީހަކާ މަށްވަރާކުރަންޖެހޭ، އަދި އެހެން އޮފީހަކާ ގުޅުންހުރި ކަމެއްކަމަށް ވާނަމަ، އެ ފަރާތަކާ މަށްވަރާކޮށްގެން ހަމަޖައްސަންޖެހޭ ކަންތައްތައް ގޮސްފައިވާ ހިސާބަކާބެހޭ މައުލޫމާތު ހިމެނުން؛
  3. އެހެން އޮފީހެއްގެ މުވައްޒަފަކު އެ ދަތުރުގައި ހިމެނޭނަމަ، އެ މުވައްޒަފަކު މަސައްކަތްކުރާ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހެޅުން؛
  4. ދަތުރު ހަމަޖެއްސެން އޮތް އެންމެ ކުރު މަގަކުން ހަމަޖެއްސުމާއި، އޮފީހުގެ މަސައްކަތަށް ދަތިނުވާނޭގޮތަށް ބަލައިގެން މީހުން ހިމެނުން؛
  5. އެހީ ހޯދުމަށް ކުރި ދަތުރެއްނަމަ، އެ ދަތުރު ނިމޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ދަތުރަކުން ލިބުނު އެހީގެ ތަފުސީލު މިނިސްޓްރީއަށް ހުށަހެޅުމާއި، އެކި ދާއިރާތަކާ ގުޅުންހުރި ޓްރެއިނިންގ ވަރކްށޮޕެއްނަމަ "އިންސްޓިޓިއުށަނަލައިޒް" ކުރެވޭނެ ގޮތުގެ ހުލާސާއެއް ފޮނުވުން.

(ށ) ރާއްޖެއިން ބޭރުގައި ހުންނަ ދައުލަތުގެ އޮފީހަކުން އެ ގައުމެއްގެ އެއް މަންޒިލުން އަނެއް މަންޒިލަށް ރޭގަނޑު މަޑުކުރަންޖެހޭ ގޮތަށް ދަތުރުކުރާނަމަ، އެ ދަތުރެއް ކުރަންވާނީ، އެ ދަތުރެއް ރާވާ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާގެ ހުއްދަ ލިބުމަށް ފަހުގައެވެ.

 

8.02 ވަނަ މާއްދާ - ރާއްޖެއިން ބޭރަށް ކުރާ ދަތުރު ހަރަދު

(ހ) ދައުލަތުގެ އޮފީސްތަކުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ހަރަދު ދޭނީ، މިނިސްޓަރު ކަނޑައަޅާ އުސޫލެއްގެ މަތީންނެވެ.

(ށ) ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ބޭނުންކުރުމަށް ނަގަންޖެހޭ ބޭރުފައިސާ ހޯދުމަށް ދައުލަތުގެ އޮފީހަކުން ޕޭމަންޓްވައުޗަރު ހުށަހަޅަންވާނީ، ދަތުރު ފެށުމުގެ ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ކުރިންނެވެ. މިގޮތުން ހުށަހަޅާއިރު ވައުޗަރާއެކު ހިމަނަންޖެހޭ ލިޔެކިޔުންތަކުގެ އިތުރުން ދަތުރަށް އެ އޮފީހެއްގެ މާލީ ޒންމާދާރު ވެރިޔާ ހުއްދަދިން ލިޔުމުގެ ކޮޕީއެއް ހިމަނަންވާނެއެވެ.
 

8.03 ވަނަ މާއްދާ - ދަތުރު ހަރަދަށް ބޭނުންވާ ބޭރުފައިސާ ގަތުން

ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތަކުގެ ހަރަދަށް ބޭނުންވާ ބޭރުފައިސާ ގަންނަންވާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭންކަކުންނެވެ.
 

8.04 ވަނަ މާއްދާ - ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރު

ދައުލަތުގެ އޮފީސްތަކުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރެއްކަމަށް ބަލައި، ދަތުރު ހަރަދުދޭނީ، ދައުލަތުގެ ބޭނުމަކަށް ކުރާ ދަތުރުތަކަށެވެ. އަދި އަތޮޅުތަކުން ކަނޑުމަގުން މާލެއަށް ގެންނަ ނުވަތަ މާލެއިން އަތޮޅުތަކަށް ކަނޑުމަގުން ފޮނުވަންޖެހޭ މީހުންގެ ދަތުރު ހަރަދު (ކެއުމުގެ ހަރަދާއި ދަތުރުފީ) ދޭންވާނީ، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

 

8.05 ވަނަ މާއްދާ - އެހެން ރަށެއްގައި ވަޒީފާ އަދާކުރުމަށް ފޮނުވާ މުވައްޒަފުންނަށް ދަތުރު ހަރަދު ނުދިނުން

އޮފީހުގެ މުވައްޒަފަކު އެ އޮފީހެއްގެ ފަރާތުން އެހެން ރަށެއްގައި ހިނގަމުންދާ ތަނެއްގައި ވަޒީފާ އަދާކުރުމަށް ނުވަތަ އެ މުވައްޒަފެއްގެ ދާއިމީ ވަޒީފާ ހަމަޖެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވަޒީފާ އަދާކުރުމަށް ފޮނުވައިފައި ހުންނަ ދުވަސްތަކަކީ ދަތުރެއްގެ ތެރޭގައި ހޭދަކުރާ ދުވަސްތަކެއްކަމަށް ނުވާތީ، އެ ދުވަސްތަކަށް ދަތުރު ހަރަދުގެ ފައިސާ ދޭކަށެއް ނުޖެހޭނެއެވެ.

 

8.06 ވަނަ މާއްދާ - ވަޒީފާތަކަށް ގެންނަ ބިދޭސީންގެ ދަތުރު އަވަސްކޮށް، އެ މީހާ ފޮނުވަންޖެހޭ ތަނަކަށް ފޮނުވުން

(ހ) ދައުލަތުގެ އެކިއެކި ވަޒީފާތަކަށް ބިދޭސީން ރާއްޖެ ގެންނަންވާނީ، އެ މީހަކު ގެނައުމާއެކު އެ މީހެއްގެ ވަޒީފާގެ މަސައްކަތަށް ލަސްނުކޮށް ނެރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ގެންނަ ބިދޭސީންގެ ތެރެއިން އަތޮޅުތަކަށް ފޮނުވަންޖެހޭ ބިދޭސީން، އެންމެ ގިނަވެގެން ވެސް 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މީހަކު ވަޒީފާ އަދާކުރަން ހަމަޖެހިފައިވާ ރަށަކަށް ފޮނުވަންވާނެއެވެ.

(ނ) ދައުލަތުގެ ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން އަތޮޅުތަކުގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ވަޒީފާގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ޗުއްޓީގައި ދިޔުމާއި އައުމަށް މާލޭގައި މަޑުކުރަންޖެހޭ ދުވަސްތަކުގެ އަދަދު، މަގުބޫލު ސަބަބެއްނެތި 3 (ތިނެއް) ދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ. މި ބޭނުމަށް 3 (ތިނެއް) ދުވަހަށްވުރެ އިތުރަށް މާލޭގައި މަޑުކުރާ ދުވަސްތަކަށް އެއްވެސް ހަރަދެއް ނުދެވޭނެއެވެ.

 

8.07 ވަނަ މާއްދާ - ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ހުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ހުރުމުގެ ހަރަދު ދިނުން

(ހ) ދައުލަތުގެ އޮފީސްތަކުން މާލެއިން އަތޮޅުތަކަށް އަދި މާލެ ފިޔަވައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ހުރުމުގެ އިންތިޒާމު ހަމަޖައްސާނީ، އެ އިދާރާއަކުންނެވެ. ނުވަތަ އެ ދަތުރަކު ދާން ބޭނުންވާ ރަށެއް ހިމެނޭ ސަރަހައްދެއްގެ ސިޓީ ކައުންސިލް ނުވަތަ އަތޮޅު ކައުންސިލް ނުވަތަ ރަށު ކައުންސިލުގެ އިދާރާ ނުވަތަ އެ ރަށެއްގައި ހުންނަ ދައުލަތުގެ އޮފީހަކަށް ނިސްބަތްވާ އޮފީހެއް މެދުވެރިކޮށްގެންނެވެ. މިގޮތަށް އިންތިޒާމު ހަމަނުޖެއްސިއްޖެ ހާލަތްތަކުގައި ހުރުމުގެ އިންތިޒާމު ހަމަޖައްސާނީ އެ އޮފީހަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ހުރުމުގެ އިންތިޒާމު ހަމަޖެއްސުމުގައި، މާލެއިން އަތޮޅުތަކުގެ ރަށްރަށަށް، އަދި މާލެ ފިޔަވައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކަށް ހުރުމުގެ ހަރަދު ދޫކުރަންވާނީ، މިނިސްޓްރީން ކަނޑައަޅައި ށާއިއުކުރާ ރޭޓަކަށެވެ.

(ނ) އަތޮޅުތަކުގެ ރަށްރަށުން މާލެއަށް ކުރާ ދަތުރުތަކުގައި ހުރުމުގެ ހަރަދު ދޫކުރަންވާނީ، މިނިސްޓްރީން ކަނޑައަޅައި ށާއިއުކުރާ ރޭޓަކަށެވެ.

(ރ) ޓޫރިސްޓް ރިސޯޓް ނުވަތަ ޓޫރިސްޓް ހޮޓާފަދަ ތަނެއްގައި މީހަކު ބަހައްޓަން ބޭނުންވެއްޖެނަމަ، ނުވަތަ ދައުލަތުގެ އިއްޒަތްތެރިއަކު އެފަދަ ތަނެއްގައި ހުންނަން ބޭނުންވެއްޖެނަމަ، އެކަން ކުރަންވާނީ، މިނިސްޓްރީން ކަނޑައަޅައި ށާއިއުކުރާ ރޭޓަކަށެވެ.

(ބ) ދަތުރުމަތީގައި ރަށެއްގައި ރޭކުރަންޖެހޭނަމަ، މި މާއްދާގައިވާ ގޮތުގެ މަތީން ރެޔަކާއި ދުވާލަށް ދިނުމަށް ހަމަޖެހިފައިވާ ރޭޓުން ހުރުމުގެ ހަރަދު ހަމަޖައްސައިދެވިދާނެއެވެ. އަދި އެ ދަތުރެއްގެ މަތީގައި ރަށެއްގައި ރޭކުރަން ނުޖެހުނު ނަމަވެސް، އެއްރަށެއްގައި ހޭދަކުރަންޖެހޭ ވަގުތު 6 (ހައެއް) ގަޑިއިރަށްވުރެ އިތުރުވާނަމަ، ރެޔަކާއި ދުވާލަށް ދިނުމަށް ހަމަޖެހިފައިވާ ރޭޓުން ހުރުމުގެ ހަރަދު ހަމަޖެއްސިދާނެއެވެ.

(ޅ) ދައުލަތުގެ އުޅަނދުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އެ އުޅަނދެއްގައި ކުރާ ރަސްމީ ދަތުރުތަކުގައި ވަޒީފާގެ ހައިސިއްޔަތުން ހޭދަކުރާ ދުވަސްތަކަށް، މި މާއްދާގައިވާ ގޮތުގެ މަތީން ހުރުމުގެ ހަރަދު ހަމަޖެއްސޭނީ، އެ އުޅަނދެއްގައި ނިދުމާއި ފާހާނާކުރުމުގެ އިންތިޒާމު ހަމަޖެހިފައި ނުވާނަމައެވެ.

 

8.08 ވަނަ މާއްދާ - ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ކެއުމުގެ ހަރަދު ދިނުން

(ހ) ދައުލަތުގެ އޮފީސްތަކުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ކޮންމެ މުވައްޒަފަކަށް ވެސް ރެޔަކާއި ދުވާލަކަށް ކެއުމުގެ ހަރަދު ދޭންވާނީ، މިނިސްޓްރީން ކަނޑައަޅައި ށާއިއުކުރާ ރޭޓަކުންނެވެ.

(ށ) މަހުކޮއްތު ނުވަތަ ކޮއްތު އެލަވަންސް ލިބޭ މުވައްޒަފަކަށް ދަތުރުމަތީގައި އުޅޭ ދުވަސްތަކަށް، ކެއުމުގެ ހަރަދުގެ ގޮތުގައި ލިބޭނީ، އެ މީހަކަށް މަހުކޮއްތަށް ނުވަތަ ކޮއްތު އެލަވަންސަށް ދުވާލަކަށް ޖެހޭ އަދަދަށްވުރެ ދަތުރުމަތީގައި އުޅޭ ދުވަހަކަށް ލިބޭ އަދަދު މަދުވާނަމަ، އެ މަދުވާ އަދަދެކެވެ. އަދި ދަތުރުމަތީގައި ދުވާލަކަށް ލިބޭ އަދަދަށްވުރެ މަހުކޮއްތުގެ ގޮތުގައި ނުވަތަ ކޮއްތު އެލަވަންސްގެ ގޮތުގައި ދުވާލަކަށް ޖެހޭ އަދަދު ބޮޑުނަމަ، އެ ބޮޑުވާބައި އަނބުރާ ހޯދާކަށެއް ނުޖެހޭނެއެވެ.

(ނ) ކޮއްތު ހަރަދު ދިނުމުގައި ފުރިހަމަ ދުވަހެއް ހަމަނުވާނަމަ، ކޮއްތު ހަރަދު ދޭނީ، ތިރީގައިމިވާ ގޮތުގެ މަތީންނެވެ.

  1. ދަތުރުގައި ދުވަހެއްގެ 4 (ހަތަރެއް) ގަޑިއިރަށްވުރެ އިތުރަށް ފާއިތުވެ، އެއްއިރުގެ ކެއުމާއި އެއްއިރު ސައިގެ ވަގުތު ފާއިތު ނުވާނަމަ، ދުވަހަކަށް ކަނޑައެޅިފައި އޮންނަވަރުގެ 4/1 (ހަތަރުބައިކުޅައެއްބައި) ދިނުން؛
  2. ދަތުރުގައި ދުވަހެއްގެ 1 (އެކެއް) އިރުގެ ކެއުމާއި 1 (އެކެއް) އިރުގެ ސައިގެ ވަގުތު ފާއިތުވާނަމަ، ދުވަހަކަށް ކަނޑައެޅިފައި އޮންނަވަރުގެ 2/1 (ދެބައިކުޅައެއްބައި) ދިނުން؛
  3. ދަތުރުގައި ދުވަހެއްގެ 1 (އެކެއް) އިރުގެ ކެއުމާއި 1 (އެކެއް) އިރުގެ ސައިގެ ވަގުތު ފާއިތުވުމުގެ އިތުރަށް، ކެއުމުގެ ވަގުތެއް ނުވަތަ ސައިގެ ވަގުތެއް ފާއިތުވެއްޖެނަމަ، ދުވަހަކަށް ކަނޑައެޅިފައި އޮންނަ އަދަދު އެކުގައި ދިނުން.

(ރ) މި މާއްދާގައިވާ ގޮތުގެ މަތީން ކޮއްތު ހަރަދު މުވައްޒަފުގެ އަތަށް ދިނުމުގެ ބަދަލުގައި، މި މާއްދާގައިވާ ރޭޓަށްވުރެ ބޮޑުނުވާނެގޮތަށް ކޮއްތުގެ އިންތިޒާމު ހަމަޖެއްސުމުގެ އިހުތިޔާރު، އެ އޮފީހަކަށް ލިބިގެންވެއެވެ.

 

8.09 ވަނަ މާއްދާ - ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ދަތުރު އެލަވަންސް ދިނުން

(ހ) ދައުލަތުގެ އޮފީސްތަކުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ބައިވެރިވާ މުވައްޒަފުންނަށް، ދަތުރު އެލަވަންސް ދޭންވާނީ، މިނިސްޓްރީން ކަނޑައަޅައި ށާއިއުކުރާ ރޭޓަކަށެވެ.

(ށ) ދަތުރުގައި 12 (ބާރަ) ގަޑިއިރު ނުވަތަ އެއަށްވުރެ ގިނަވަގުތު ހޭދަވާނަމަ، ރެއަކާއި ދުވާލަށް ކަނޑައެޅިފައިވާ އެލަވަންސް ދޭންވާނެއެވެ.

(ނ) ރައްޔިތުންގެ މަޖިލީހުން މުސާރައާއި އެލަވަންސް ކަނޑައަޅައިފައިވާ ފަރާތްތަކާއި، އެ ފަރާތެއްގެ މުސާރައިގެ ތެރޭގައި ލިވިންގ އެލަވަންސް ހިމެނިފައިވާ ފަރާތްތަކަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަތުރު އެލަވަންސެއް ނުލިބޭނެއެވެ.

 

8.10 ވަނަ މާއްދާ - ދަތުރުތަކުގައި ގެނެސް ގެންދާ މީހުންނަށް ކެއުމާއި ހުރުމުގެ ހަރަދު ދިނުން

ދައުލަތުގެ އޮފީސްތަކުން ކުރާ ދަތުރުތަކުގައި އެ ދަތުރުގެ ބައިވެރިން ނޫން ގޮތުގައި މާލެއާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ގެނެސް ގެންދާ މީހުންނަށް ކެއުމުގެ ހަރަދާއި ހުރުމުގެ ހަރަދު ދޭނީ، މި ގަވާއިދުގެ 8.15 ވަނަ މާއްދާއާއި 8.16 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.

 

8.11 ވަނަ މާއްދާ - އެހެން އޮފީހަކުން ބައިވެރިކުރާ މުވައްޒަފުންގެ ދަތުރު ހަރަދު

އެ އޮފީހެއްގެ ފަރާތުން ކުރާ ދަތުރެއްގައި އެހެން އޮފީހެއްގެ މުވައްޒަފަކު ބައިވެރިކުރަން ޖެހިގެން ބައިވެރިކުރި ކަމުގައި ވިޔަސް، އެ މުވައްޒަފަކަށް އެ ދަތުރަކަށް ދޭންޖެހޭ ކޮއްތާއި އެލަވަންސާއި އިތުރުގަޑީގެ ފައިސާ ފަދަ، ސީދާ އެކަމަށް ހިނގާ ހަރަދުތައް ދޭންވާނީ، އެ މުވައްޒަފެއްގެ ހިދުމަތް ވަގުތީގޮތުން ލިބޭ އޮފީހުންނެވެ.

 

8.12 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރާނެ ގޮތް

(ހ) ދައުލަތުގެ އޮފީސްތަކުން ކަނޑުމަގުން ކުރާ ދަތުރުތަކުގައި ފެރީ ދަތުރުގެ ހިދުމަތް ލިބެން އޮންނަ ދެރަށެއްގެ ދެމެދުގައި ފެރީގައި ދަތުރުކުރެވެން އޮތް ހާލަތެއްގައި ކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް ކުރުމަށް ބޭނުންކުރަންވާނީ، ފެރީ ދަތުރުގެ ހިދުމަތެވެ. ފެރީގައި ދަތުރުކުރެވެން ނެތް ހާލަތްތަކުގައި ނުވަތަ ފެރީގެ ހިދުމަތް ލިބެން ނެތްނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން އުޅަނދު ކުއްޔަށް ހިފައިގެން ދަތުރުކުރެވިދާނެއެވެ.

(ށ) އެއްފަސްވެފައިވާ ރަށްރަށުގައި، ދައުލަތުގެ އޮފީސްތަކުން އެއްގަމުމަގުން ކުރާ ދަތުރުތަކަށް ދަތުރުފީ ދޭނީ، އެ ސަރަހައްދެއްގައި އެ ހިދުމަތެއް ލިބެންހުރި އެންމެ އަގުހެޔޮ ރޭޓަކަށެވެ.

(ނ) އެއް ރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ވައިގެމަގުން ކުރާ ދަތުރުތަކުގެ ދަތުރުފީއަކީ، ދަތުރުކުރާ ވައިގެ އުޅަނދުގެ ޓިކެޓުގެ އަގާއި، އެ ދަތުރެއްގައި ދާން ބޭނުންވާ މަންޒިލަށް ދިޔުމަށް ޓަކައި ކުރަންޖެހޭ އެހެނިހެން ދަތުރުތަކުގެ ދަތުރުފީއަށް ދޭންޖެހޭ ފައިސާއެވެ.

 

8.13 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުން ކުރާ ދަތުރުތަކުގެ ދަތުރު ރިޕޯޓު ހުށަހެޅުން

(ހ) ދައުލަތުގެ އޮފީސްތަކުގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުގެ "ދަތުރު ރިޕޯޓު" އެ ދަތުރެއް ނިމޭތާ، ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ އޮފީހަކަށް ހުށަހަޅަންވާނެއެވެ. "ދަތުރު ރިޕޯޓު" ގައި، ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ދަތުރުކުރި ތަން؛
  2. ދަތުރުގެ ބޭނުން؛
  3. ދަތުރުގެ ބައިވެރިން (ނަމާއި، މަގާމު އެނގޭގޮތަށް)؛
  4. ދަތުރު ފެށި ތާރީހާއި، ގަޑިއާއި، ދަތުރު ނިމުނު ތާރީހާއި ގަޑި؛
  5. ދަތުރުން ހާސިލުކުރެވުނު ކަންތައްތައް؛
  6. ދަތުރަށް އިންސިޑެންށަލްގެ ގޮތުގައި އެއްވެސް ފައިސާއެއް ހަރަދުކޮށްފައިވާނަމަ، ހަރަދަށް ހަވާލުކުރި ފައިސާއާއި، ކުރެވުނު ހަރަދާއި ބާކީގެ ހިސާބު.

(ށ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައިވާ ހިސާބުގައި ފައިސާ ބާކީހުރިކަމަށް ދައްކާނަމަ، ދަތުރު ނިންމައިފައި އަންނަތާ، ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ފައިސާ އެއްފަހަރާ އެ އޮފީހަކަށް ހަވާލުކޮށް، ރަސީދު ހޯދަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ލިބޭ ފައިސާ، އެ ފައިސާ ނެގި އެކައުންޓަކަށް ނުވަތަ އައިޓަމަކަށް އަނބުރާ ޖަމާކުރަންވާނެއެވެ.

 

8.14 ވަނަ މާއްދާ - ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެނެސް ގެންދާ މީހުންގެ ދަތުރު ހަރަދު ދިނުން

(ހ) ދައުލަތުގެ ބޭނުމަށް ކަނޑުމަގުން އަތޮޅުތަކުން މާލެ ގެންނަ މީހުންނާއި، މާލެއިން އަތޮޅުތަކަށް ފޮނުވަންޖެހޭ މީހުންނާއި، ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ގެނެސް ގެންދަންޖެހޭ މީހުން ގެނެސް ގެންދިޔުމުގައި، ފެރީ ދަތުރުގެ ހިދުމަތް ލިބެން އޮންނަ ދެ ރަށެއްގެ ދެމެދުގައި ފެރީގައި ދަތުރުކުރެވެން އޮތް ހާލަތެއްގައި ކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް ކުރުމަށް ބޭނުންކުރަންވާނީ، ފެރީ ދަތުރުގެ ހިދުމަތެވެ. ފެރީގައި ދަތުރު ކުރެވެން ނެތް ހާލަތްތަކުގައި ނުވަތަ ފެރީގެ ހިދުމަތް ލިބެން ނެތްނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން އުޅަނދު ކުއްޔަށް ހިފައިގެން ދަތުރު ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ފެރީ ދަތުރުކުރާ އުޅަނދުތަކުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް މީހުން ގެނެސް ގެންދިޔުމުގެ ފެރީ ހަރަދު ދޭނީ، އެ ފެރީއެއްގައި ދަތުރުކުރުމަށް މީހަކަށް ނަގާ ރޭޓުންނެވެ.

(ނ) ދައުލަތުގެ ބޭނުމަށް ކަނޑުމަގުން އަތޮޅުތަކުން މާލެ ގެންނަ މީހުންނާއި، މާލެއިން އަތޮޅުތަކަށް ފޮނުވަންޖެހޭ މީހުންނާއި، ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެނެސް ގެންދާ މީހުންގެ ދަތުރުފީ ދޭނީ، މިނިސްޓްރީން ކަނޑައަޅައި ށާއިއުކުރާ ރޭޓުތަކުންނެވެ.

(ރ) އެއްފަސްވެފައިވާ ރަށްރަށުގައި އެއްގަމުމަގުން ކުރާ ދަތުރުތަކުގެ ދަތުރުފީ ދޭނީ، އެ ސަރަހައްދެއްގައި އެ ހިދުމަތެއް ލިބެންހުރި ރޭޓަކަށެވެ.

(ބ) ވައިގެމަގުން މާލެ ގެންނަ މީހުންނާއި މާލެއިން އަތޮޅުތަކަށް ފޮނުވަންޖެހޭ މީހުންގެ ދަތުރުފީއަކީ، ދަތުރުކުރާ ވައިގެ އުޅަނދެއްގެ ޓިކެޓަށް ހަމަޖައްސައިފައިވާ އަގާއި، އެ ދަތުރެއްގެ މަންޒިލަށް ދިޔުމަށް މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތްތަކަށް ނުވަތަ އެ ދެގޮތުންކުރެ ގޮތަކަށް ކުރާ ދަތުރުތަކުގެ ދަތުރުފީއަށް ދޭންޖެހޭ ފައިސާއެވެ.

 

8.15 ވަނަ މާއްދާ - މާލެއާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ގެނެސް ގެންދާ މީހުންގެ ކެއުމާއި ހުރުމުގެ ހަރަދު

(ހ) ދައުލަތުގެ ބޭނުމަށް އެކި ކަންކަމަށް މާލެއާއި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެނެސް ގެންދާ މީހުންގެ ކެއުމުގެ ހަރަދާއި ހުރުމުގެ ހަރަދު ދޭނީ، މިނިސްޓްރީން ކަނޑައަޅައި ށާއިއުކުރާ ރޭޓުތަކުންނެވެ.

(ށ) އެއް އޮފީހަށްވުރެ ގިނަ އޮފީހުގެ ބޭނުމުގައި މީހަކު ބަހައްޓަން ޖެހިއްޖެނަމަ ހަރަދު ދޭންވާނީ، އެ އިރެއްގައި އެ މީހަކާ ހަވާލުވެހުރި އޮފީހުންނެވެ. މިގޮތަށް ގެންނަ މީހުންނަށް ކެއުމުގެ ހަރަދާއި ހުރުމުގެ ހަރަދު އެއްދަތުރެއްގައި ދެވޭނީ، އެންމެ ގިނަވެގެން 20 (ވިހި) ދުވަހަށެވެ. 20 (ވިހި) ދުވަހަށްވުރެ އިތުރަށް ހަރަދު ދޭން ދިމާވާ ހާލަތްތަކުގައި އެކަން ހަމަޖައްސަންވާނީ، މިނިސްޓްރީއަށް ލިޔެގެން ހުއްދަ ހޯދައިގެންނެވެ.

(ނ) ހުރުމާއި ކެއުމުގެ ކަންތައް ދައުލަތުން ހަމަޖައްސައިދޭނަމަ، މި މާއްދާގެ (ހ) ގައިވާ ފައިސާ އެ މީހަކަށް ދީގެން ނުވާނެއެވެ.

 

8.19 ވަނަ މާއްދާ - ހާއްސަ މަސައްކަތްތައް ކުރުވާއިރު، ކެއުމާއި ސައިދިނުން

(ހ) ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުން ލައްވައި ކުރުވަންޖެހޭ ހާއްސަ ބޮޑެތި މަސައްކަތްތައް ކުރުވާއިރު ކެއުމާއި ސައިދިނުމާއި، ރަމަޒާންމަހުގައި ރޯދަވީއްލުމާއި ހާރުކެއުން ދިނުމަށް ބޭނުންވާނަމަ، ކެއުމާއި ސައިދޭންވާނީ، މިނިސްޓްރީން ކަނޑައަޅައި ށާއިއުކުރާ ރޭޓުތަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކެއުމާއި ސައިދޭނީ، ތިރީގައިވާ ގަޑިތަކުގައި މަސައްކަތްކުރާނަމައެވެ.

  1. ހެނދުނުސައި: 6:00 އިން 10:00 އަށް މަސައްކަތްކުރާނަމަ؛
  2. މެންދުރުކެއުން: 12:00 އިން 14:00 އަށް މަސައްކަތްކުރާނަމަ؛
  3. ހަވީރުސައި: 16:00 އިން 18:00 އަށް މަސައްކަތްކުރާނަމަ؛
  4. ރޭގަނޑު ކެއުން: 20:00 އިން 22:00 އަށް މަސައްކަތްކުރާނަމަ؛
  5. އެ ދުވަހެއްގެ 23:00 ގެ ފަހުން މަސައްކަތްކުރާނަމަ، ސައެއް ދެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރަމަޒާންމަހު ރޯދަވީއްލުން ދޭންވާނީ، އިރުއޮއްސޭ ގަޑީގައި މަސައްކަތްކުރާނަމައެވެ. ހާރުކެއުން ދެވޭނީ، މަސައްކަތް ރޭވިފައިވާ ގޮތުން ދަންވަރު 2:00 އިން 4:00 އަށް މެދުނުކެނޑި މަސައްކަތްކުރާނަމައެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި ކަނޑައަޅައިފައިވާ ވަގުތުތައް ހިމެނޭގޮތަށް މެދުނުކެނޑި މަދުވެގެން 2 (ދޭއް) ގަޑި 30 (ތިރީސް) މިނިޓުއިރު އެ މަސައްކަތެއްގައި ހޭދަނުވާނަމަ، ކެއުމާއި ސައިދޭކަށެއް ނުޖެހޭނެއެވެ.

(ބ) މި މާއްދާގައިވާ ގޮތަށް ކެއުމާއި ސައިދޭނަމަ، އެ މަސައްކަތެއްގައި ބައިވެރިވާ މުވައްޒަފުންގެ ނަމާއި މަގާމާއި ކުރި މަސައްކަތް އެނގޭގޮތަށް ރިކޯޑު ބަލަހައްޓަންވާނެއެވެ. އަދި އެ މަސައްކަތުގައި އެ އޮފީހުގެ މުވައްޒަފަކު ނޫން މީހަކު ނުވަތަ ބަޔަކު ބައިވެރިވެފައިވާނަމަ، އެ މީހެއްގެ ނުވަތަ އެ ބަޔެއްގެ މައުލޫމާތު ވެސް ބަލަހައްޓަންވާނެއެވެ.

(ޅ) މި މާއްދާގައިވާ ގޮތަށް ކެއުމާއި ސައިދިނުމަށް ހަމަޖައްސަންވާނީ، ކެއުމާއި ސައިދިނުމަށް ބޭނުންވާ ފައިސާ އެ އޮފީހެއްގެ ބަޖެޓުގައި ކަނޑައެޅިފައިވުމުގެ އިތުރަށް، އެ މަސައްކަތަކީ ހާއްސަ ބޮޑު މަސައްކަތެއްކަމަށް ބަލައި، މާލީ ޒިންމާދާރު ވެރިޔާ ހުއްދަދިނުމުންނެވެ.

 

8.17 ވަނަ މާއްދާ - އެކިއެކި ކޮމިޓީތަކާއި ބައްދަލުވުންތަކުގައި ސައިދިނުން

(ހ) އޮފީހުގެ ތެރޭގައި ބާއްވާ ހަމައެކަނި އެ އޮފީހެއްގެ މުވައްޒަފުން ހިމެނޭ ދާއިމީ ކޮމިޓީތަކުގައި ހޭދަވާ ވަގުތު އެއްގަޑިއިރަށްވުރެ ކުރުނަމަ، އެ ބައްދަލުވުމެއް ބާއްވާ ވަގުތާ ގުޅޭގޮތަކަށް ކޮފީއެއް ނުވަތަ ފިނިބުއިމެއް ދެވިދާނެއެވެ.

(ށ) އޮފީހުގެ ތެރޭގައި ބާއްވާ، ހަމައެކަނި އޮފީހުގެ މުވައްޒަފުން ހިމެނޭ ދާއިމީ ކޮމިޓީތަކުގެ ބައްދަލުވުމުގެ ވަގުތު އެއްގަޑިއިރަށްވުރެ ދިގުނަމަ، އެ ބައްދަލުވުމަކަށް ހޭދަވާ ވަގުތާ ގުޅޭގޮތަކަށް ސައި ނުވަތަ ނުވަތަ ފިނިބުއިމެއް، ބިސްކޯދު ފަދަ ލުއިކާނާއަކާއެކު ދެވިދާނެއެވެ.

(ނ) ބައްދަލުވުން ބާއްވާ އޮފީހުގެ މުވައްޒަފުންގެ އިތުރުން، އެހެން އޮފީސްއޮފީހުގެ މުވައްޒަފުން ނުވަތަ އާންމު މީހުން ހިމެނޭގޮތަށް ބާއްވާ ބައްދަލުވުމުގެ ވަގުތު އެއްގަޑިއިރަށްވުރެ ކުރުނަމަ، އެ ބައްދަލުވުމަކަށް ހޭދަވާ ވަގުތާ ގުޅޭގޮތަކަށް ކޮފީއެއް ނުވަތަ ފިނިބުއިމެއް ދެވިދާނެއެވެ.

(ރ) ބައްދަލުވުން ބާއްވާ އޮފީހުގެ މުވައްޒަފުންގެ އިތުރުން އެހެން އޮފީސްއޮފީހުގެ މުވައްޒަފުން ނުވަތަ އާންމު މީހުން ހިމެނޭގޮތަށް ބާއްވާ ބައްދަލުވުމުގެ ވަގުތު އެއްގަޑިއިރަށްވުރެ ދިގުނަމަ، އެ ބައްދަލުވުމަކަށް ހޭދަވާ ވަގުތާ އެކަށީގެންވާ ގޮތަކަށް ސައެއް ދެވިދާނެއެވެ.

(ބ) މި ނަންބަރުގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ އުސޫލުން ސަޔެއް ދޭގޮތަށް ދައުލަތުގެ އޮފީސްތަކުގައި ބާއްވާ އެކިއެކި ކޮމިޓީތަކާއި ބައްދަލުވުންތަކުގެ ހާޒިރީ ބަލަހައްޓަންވާނެއެވެ. އަދި އެ ދުވަހަކު ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ ނަމާއި މަގާމާއި، ބައްދަލުވުމުގައި މަށްވަރާކުރެވުނު ކަންތައް އެނގޭނޭގޮތަށް ޔައުމިއްޔާ ކުރެވިފައި އޮންނަންވާނެއެވެ.

(ޅ) ދައުލަތުގެ އޮފީސްތަކުން އެކިއެކި މުނާސަބަތުތައް ފާހަގަކުރުމަށް ބާއްވާ ޖަލްސާތަކާއި، ވަރކްށޮޕްތަކާއި، ސެމިނާރާއި، މުބާރާތްތައް ފަދަ ކަންތައްތަކުގެ ފެށުމާއި ނިމުން ފާހަގަކުރުމަށް ބާއްވާ ހަފުލާތަކުގައި ކެއުމާއި ސައި ހަމަޖައްސަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޕްރޮކިއުމަންޓް އުސޫލުންނެވެ.

(ކ) ދައުލަތުގެ އޮފީސްތަކުން ބާއްވާ ވަރކްށޮޕާއި ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން އޮފީހުގެ މުވައްޒަފުންނާއި، އެހެން އޮފީސްއޮފީހުގެ މުވައްޒަފުން ނުވަތަ އާންމު މީހުން ހިމެނޭގޮތަށް، 5 (ފަހެއް) ގަޑިއިރަށްވުރެ މަދުނޫން ވަގުތު ހޭދަވާގޮތަށް ހިންގާ ޕްރޮގްރާމުތަކަށް ކެއުމާއި ސައި ހަމަޖެއްސިދާނެއެވެ. މިފަދަ ޕްރޮގްރާމުތަކަށް ކެއުމާއި ސައި ހަމަޖައްސާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޕްރޮކިއުމަންޓް އުސޫލުންނެވެ.

 

8.18 ވަނަ މާއްދާ - އިއްޒަތްތެރީންނަށް ރިސެޕްށަން ދިނުން

ދައުލަތުގެ އޮފީހަކަށް ޒިޔާރަތްކުރާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިއްޒަތްތެރީންނަށް، އެ އޮފީހެއްގެ އެންމެ އިސްވެރިންގެ ފަރާތުން މެހުމާންދާރީ އަދާކުރުމުގެ ގޮތުން ރިސެޕްށަނެއް ދިނުންފަދަ ކަމެއް ކުރަންވާނީ، އެކަމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހުރެގެންނެވެ. އަދި އެކަން ކުރަންވާނީ، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

8.19 ވަނަ މާއްދާ - ބައިނަލްއަގުވާމީ ފެންވަރުގެ ޖަލްސާތަކާއި، ގައުމީ ފެންވަރުގެ ޖަލްސާތަކުގައި ކެއުމާއި ސައިދިނުމާއި، ރިސެޕްށަން ދިނުން

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބާއްވާ ބައިނަލްއަގުވާމީ ޖަލްސާތަކާއި، ގައުމީ ފެންވަރުގެ ޖަލްސާތަކުގައި ކެއުމާއި ސައި ދިނުމާއި، ރިސެޕްށަނެއް ދިނުންފަދަ ކަންތައްތަކަށް ހަރަދުކުރަންވާނީ، އެކަމަށް ބޭނުންވާ ފައިސާ އެ އޮފީހެއްގެ އެ އަހަރެއްގެ ބަޖެޓުގައި ހިމަނާފައި ހުރެގެންނެވެ. އަދި އެކަން ކުރަންވާނީ، މި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

ބާބު 9

ދައުލަތަށް ލިބޭ އެހީން ހަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

 

9.02 ވަނަ މާއްދާ - ދައުލަތަށް ލިބޭ އެހީ

ރާއްޖެއާއި ރާއްޖެއިން ބޭރުން ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާއާއި ތަކެއްޗާއި، ދަރަނީގެ ތެރޭގައި ހިމެނިގެން އެހީގެ ގޮތުގައި ލިބޭ ފައިސާއާއި، ސީދާ އެހީދޭ ފަރާތްތަކުން ކުރާ ހަރަދާއި، އެކި ފަރާތްތަކުން ހިލޭ އެހީގެ ގޮތުގައި ދޭ ތަކެއްޗާއި ހިދުމަތް ވެސް ހިމެނޭނީ، ދައުލަތަށް ލިބޭ އެހީގެ ގޮތުގައެވެ.

 

9.02 ވަނަ މާއްދާ - ދައުލަތަށް ލިބޭ އެހީން ހަރަދުކުރުން

(ހ) ދައުލަތަށް ލިބޭ ހިލޭ އެހީއާއި، ދަރަނީގެ ގޮތުގައި ލިބޭ ފައިސާ ހަރަދުކުރަންވާނީ، އެހީ ލިބުނު ބޭނުމަކަށެވެ.

(ށ) ސީދާ އެހީދޭ ފަރާތްތަކުން ކުރާ ހަރަދުތައް ފިޔަވައި އެހީގެ ފައިސާއިން ކުރާ ހަރަދުތައް ކުރަންވާނީ، އެހީދޭ ފަރާތުން ވަކިގޮތަކަށް ކަނޑައަޅައި އަންގައިފައިވާނަމަ، އެގޮތުގެ މަތީންނެވެ. އެހީދޭ ފަރާތުން ވަކިގޮތަކަށް ކަނޑައަޅައި އަންގައިފައި ނުވާނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

(ނ) ދައުލަތުގެ އޮފީސްތަކުން ވަކި ޕްރޮގްރާމެއް ނުވަތަ ވަކި ޕްރޮޖެކްޓެއް ހިންގުމަށް، އެކި ފަރާތްތަކުން އެހީގެ ގޮތުގައި ލިބޭ ފައިސާ ހަރަދުކުރަންވާނީ، އެ ފައިސާއިން ކުރަން ބޭނުންވާ ހަރަދެއްގެ ތަފުސީލު މިނިސްޓްރީއަށް ހުށަހެޅުމަށްފަހު، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން، މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

(ރ) އެހީގެ ގޮތުގައި ލިބިގެން ދައުލަތުގެ އޮފީސްތަކުން ހިންގާ އެންމެހައި މަށްރޫއުތަކަށް ހިނގާ ހަރަދުގެ ހިސާބުތައް ބަލަހައްޓައި ރިޕޯޓު ފޮނުވަންވާނީ، އެހީދޭ ފަރާތުން ވަކިގޮތަކަށް ކަނޑައަޅައި އަންގައިފައިވާނަމަ، އެގޮތުގެ މަތީންނެވެ. އެހީދޭ ފަރާތުން ވަކިގޮތަކަށް ކަނޑައަޅައި އަންގައިފައި ނުވާނަމަ ރިޕޯޓު ފޮނުވަންވާނީ، މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

(ބ) ދައުލަތުގެ އޮފީސްތަކަށް އެހީގެ ގޮތުގައި ލިބޭ ފައިސާއިން ލިބުނު ބޭނުމަކަށް ހަރަދުކުރުމަށްފަހު ބާކީވާ ފައިސާއާއި، އެހީގެ ގޮތުގައި ލިބުނު ފައިސާއިން ލިބުނު ބޭނުމަށް އެއްވެސް ހަރަދެއްނުކޮށް ބާކީ ހުންނަ ފައިސާއާމެދު އަމަލުކުރަންވާނީ، އެ ފައިސާ ދިން ފަރާތުން ކަނޑައަޅައިފައިވާ ގޮތުގެ މަތީންނެވެ. އަދި އެގޮތުގެ މަތީން ބާކީ ހުންނަ ފައިސާ ހަރަދުކުރުން ފައިސާ ދިން ފަރާތުން ހުއްދަކުރާ ހާލަތުގައި، އެ ފައިސާއެއް ހަރަދުކުރަންވާނީ، މިނިސްޓްރީއަށް ލިޔެ، މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދައިގެންނެވެ.

(ޅ) އެހީގެ ގޮތުގައި ހިންގާ ޕްރޮޖެކްޓެއްގެ ދަށުން ބޭރުބަޔަކު މެދުވެރިވެގެން ރާއްޖޭގައި ހިންގާ މަސައްކަތެއްގައި ގެންގުޅޭ މީހުންނަށް އެ ޕްރޮޖެކްޓަށް ކަނޑައެޅޭ ފައިސާގެ ތެރެއިން މުސާރައާއި އެލަވަންސާއި ކެއިންބުއިންފަދަ ކަމަކަށް ހަރަދެއް ކުރަންވާނީ، އެ ކަމެއް ތަފުސީލުކޮށް މިނިސްޓްރީއަށް ލިޔެ، މިނިސްޓްރީން ހަމަޖައްސާ އުސޫލެއްގެ މަތީންނެވެ. އެހީގެ ގޮތުގައި ހިންގާ ޕްރޮޖެކްޓެއްގެ ދަށުން، ބަޔަކަށް ކޮންޓްރެކްޓް ދީގެން ކުރުވާ މަސައްކަތެއްގައި، ކޮންޓްރެކްޓުގައިވާ ގޮތަށް މަސައްކަތުގެ އަގަށް ދޭންޖެހޭ ފައިސާ މީގެތެރެއަކު ނުހިމެނެއެވެ.

(ކ) ދައުލަތުގެ އޮފީސްތަކާ ގުޅިގެން އެކިއެކި ޕްރޮޖެކްޓްތަކުގެ ދަށުން ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ކުރާ މަސައްކަތްތަކަށް އެ ފަރާތްތަކުން ކުރާ ހަރަދުގެ ވޭތުވެދިޔަ މަހުގެ ހިސާބު، ހިނގާ މަހުގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން އެ ފަރާތްތަކުން ހޯދައި، މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

 

9.03 ވަނަ މާއްދާ - އެހީގެ ގޮތުގައި ފަހުން ފައިސާ ލިބޭގޮތަށް ކުރާ ހަރަދު

(ހ) އެހީގެ ގޮތުގައި ފަހުން ފައިސާ ލިބޭގޮތަށް އެއްވެސް ހަރަދެއް ކުރަންވާނީ، އެކަން މިނިސްޓްރީއަށް ލިޔެ، އެކަމުގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ދޫކޮށްފައިވާ ފައިސާއެއް ނުވަތަ ހަރަދުކޮށްފައިވާ ފައިސާއެއް އަނބުރާ ދޭންޖެހޭ ފަރާތަކުން ނުލިބި އޮތްނަމަ، އެ ފައިސާއާބެހޭ ފުރިހަމަ މައުލޫމާތު (ހަރަދުކުރި ފައިސާގެ އަދަދާއި، ތާރީހާއި، ހަރަދުކުރި ކަންތަކާއި، އަނބުރާ ދޭން ހަމަޖެހިފައިވާ ފަރާތާއި، އަނބުރާ ދޭން އެއްބަސްވެފައިވާ ގޮތާއި، އަނބުރާ ދިނުމަށް އެއްބަސްވި މުއްދަތާއި، އެ ފައިސާއާބެހޭ އެހެނިހެން މައުލޫމާތު) މިނިސްޓްރީއަށް ފޮނުވައި، އެ ކަމެއް ހަމަޖައްސަންވާނެއެވެ.

(ނ) ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި، ޓިކެޓް ހަރަދާއި ބައެއްކަހަލަ އެލަވަންސްތަކަށް އެ ދަތުރު ހަމަޖައްސާ ފަރާތުން ފައިސާ ދޭގޮތަށް ހަމަޖެހިގެން، އަނބުރާ ލިބޭގޮތަށް އެ އޮފީހަކުން ކުރާ ހަރަދުގެ ފައިސާ ލިބެމުންދޭތޯ، މާލީ ޒިންމާދާރު ވެރިޔާ ބަލައި ޗެކުކުރަމުން ގެންދަންވާނެއެވެ.

 

9.04 ވަނަ މާއްދާ - ދައުލަތަށް ލިބޭނެ އެހީ ބަޖެޓުކުރުން

(ހ) ދައުލަތަށް އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ ފައިސާ، އަންދާޒާ ބަޖެޓުގައި ހިމަނަންވާނެއެވެ. އަދި ބޭރުގެ އެހީގެ ދަށުން ހިންގާ މަށްރޫއުތަކަށް ހިނގާނެ ހަރަދު ވެސް، ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއިން ކުރެވޭ ހަރަދުގެ ގޮތުގައި ބަޖެޓުގައި ހިމަނަންވާނެއެވެ.

(ށ) ބަޖެޓާއި ހިސާބުތައް ބެލެހެއްޓުމުގައި، އެހީދޭ ފަރާތްތަކުން ސީދާ ކުރާ ހަރަދުތަކާއި، ފައިސާއިން ހިންގާ މުއާމަލާތްތައް ވަކިން އެނގޭނޭގޮތަށް ބަލަހައްޓަންވާނެއެވެ.

(ނ) ސީދާ އެހީދޭ ފަރާތްތަކުން ކުރާ ހަރަދުތަކާބެހޭ މައުލޫމާތު، އެ ފަރާތްތަކުން ހޯދަންވާނެއެވެ.

 

9.05 ވަނަ މާއްދާ - އެހީގެ ގޮތުގައި ލިބޭ ފައިސާގެ ބޭންކް އެކައުންޓު ބެލެހެއްޓުން

ދައުލަތަށް އެހީ ދިނުމުގެ އެއްބަސްވުމުގައި ވަކި ބޭންކް އެކައުންޓެއް ހުޅުވައި ބެލެހެއްޓުމަށް ށަރުތުކޮށްފައިވާނަމަ، އެ މަށްރޫއަކަށް އެކައުންޓެއް ހުޅުވުމަށް ޓަކައި ކަމާބެހޭގޮތުން ޕްރޮޕޯޒަލެއް ތައްޔާރުކޮށްފައި، މިނިސްޓްރީއަށް އެ ޕްރޮޕޯޒަލް ހުށަހަޅަންވާނެއެވެ. އަދި އެ އެކައުންޓު ހުޅުވުމުން، އެ އެކައުންޓުގެ ހިސާބުތައް، މި ގަވާއިދުގައިވާ ގޮތުގެ މަތީން ބަލަހައްޓަންވާނެއެވެ.

 

9.06 ވަނަ މާއްދާ - ދައުލަތަށް ލިބޭ އެހީ ހިސާބުކުރުން

(ހ) ދައުލަތަށް ލިބޭ އެހީގެ އެއްބަސްވުމުގައްޔާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ބޭންކް އެކައުންޓު ހުޅުވައި ހިސާބުތައް ބަލަހައްޓައި، އެހީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފޯމެޓާ އެއްގޮތަށް، އެއްބަސްވުމުގައި ކަނޑައަޅައިފައިވާ މުއްދަތުގައި މަށްރޫއުތަކުގެ މާލީ ހިސާބުތައް ތައްޔާރުކޮށް، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) ދައުލަތަށް ލިބޭ އެހީގެދަށުން ހިންގޭ މަށްރޫއުތަކުގެ މާލީ ހިސާބުތައް އެހީގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން އޮޑިޓްކުރުމުގެ ކަންކަން، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ ހަމަޖައްސަންވާނެއެވެ.

 

ބާބު 10

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު

ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

 

10.01 ވަނަ މާއްދާ - ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރަން ބޭނުންވާ ކަންތައްތައް

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމެއްގެ ބޭނުމަކީ، ދައުލަތުގެ އޮފީސްތަކަށް ތަކެތި ގަތުމާއި، ހިދުމަތް ހޯދުމާއި، މަސައްކަތް ކުރުވުމާއި، ދައުލަތުން ތަންތަން ކުއްޔަށް ހިފުމުގައި ހާމަކަންބޮޑު ޒިންމާދާރުގޮތެއްގައި ހުރިހާ ފަރާތެއްގެ މަސްލަހަތަށް ބަލައި ވަޒަންކޮށްގެން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، ވާދަވެރި މާހައުލެއްގައި ޕްރޮކިއުމަންޓުގެ ކަންކަން ތަންފީޒުކުރުމެވެ. ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމެއް ހިންގުމުގައި މައިގަނޑުގޮތެއްގައި ބަލަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށެވެ.

(ހ) ދައުލަތުގެ ފައިސާ ހޭދަކުރެވެނީ، ވާދަވެރި މާހައުލެއްގެ ތެރެއިން، އިގުތިސާދީގޮތުން އެންމެ ފައިދާހުރި، އަދި ހާމަކަންބޮޑު ޒިންމާދާރު ގޮތެއްގެ މަތީންކަން ޔަގީންކުރުން.

(ށ) ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ (ބީލަންވެރިންގެ) މެދުގައި ހަމަހަމަކަމާއި އިތުބާރާއެކު ތަފާތުކުރުމެއްނެތި ޕްރޮކިއުމަންޓުގެ ކަންތައްތައް ގެންދެވޭކަމުގެ ޔަގީންކަން ހޯދައިދިނުމާއެކު، އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުވުން.

(ނ) ބީލަމުގައި ބައިވެރިވާ އެންމެހައި ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކާއި، މައުލޫމާތުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން ހޯދައިދިނުން.

 

10.02 ވަނަ މާއްދާ - ޕްރޮކިއުމަންޓުގެ އުސޫލުތައް

(ހ) ބީލަމުގެ ކަންތައް ކުރިޔަށްގެންދަންވާނީ، އެ ބީލަމެއްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ހަމަހަމަކަމާއި، ހާމަކަންބޮޑު، ވާދަވެރި، އިގުތިސާދީގޮތުން އެންމެ ފައިދާހުރި، ޒިންމާދާރު ގޮތެއްގެ މަތީންނެވެ.

(ށ) ބީލަމުގައި ބައިވެރިވާ ފަރާތެއްގެ (ބީލަންވެރިންގެ) ނަސްލަށް، ނުވަތަ އުފަންވި ގައުމަށް، ނުވަތަ ކުލައަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ވިސްނުމަކަށް، ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ އެނޫންވެސް ގޮތަކުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތީން މެނުވީ ބީލަމުގައި ބައިވެރިވުން މަނައެއް ނުކުރެވޭނެއެވެ.

(ނ) ބީލަމުގެ ކަންތައްތައް ވާދަވެރިގޮތެއްގައި ގެންދިޔުމަށް ޓަކައި، އެކަމަށް ށައުގުވެރިވާ ގާބިލު ފަރާތްތަކަށް ހަމަހަމަ ފުރުސަތު ދޭންވާނެއެވެ.

(ރ) ބީލަމުގެ ކަންތައްތައް ކުރިޔަށް ގެންދަންވާނީ އެއް އުސޫލަކުންނެވެ. ގަވާއިދާ އެއްގޮތަށް ބީލަމުގެ ކަންތައް ހިންގުމުގައި ޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކުރެވިދާނެއެވެ.

(ބ) ޕްރޮކިއުމަންޓުގެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި އަމަލުތައް، މިނިސްޓްރީން ކަނޑައަޅާ ސުލޫކީ މިންގަނޑާ އެއްގޮތަށް ބަހައްޓަންވާނެއެވެ.

(ޅ) މި ގަވާއިދުގައި ވަކިގޮތަކަށް ޕްރޮކިއުމަންޓުގެ ކަމެއް ކުރިޔަށް ގެންދިޔުމަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ހިދުމަތްތައް ހޯދަންވާނީ، އާންމުކޮށް ބީލަމަށް ހުޅުވައިލައިގެންނެވެ.

 

10.03 ވަނަ މާއްދާ - ބޭރުގެ ފަރާތްތަކާއެކު ވެވޭ އެއްބަސްވުމަށް އަމަލުކުރުން

(ހ) ދިވެހި ސަރުކާރުން ބޭރު ގައުމަކާއެކު، ނުވަތަ ބޭރުގެ ބޭންކަކާއެކު، ނުވަތަ މާލީ އިދާރާއަކާއެކު، ނުވަތަ ބައިނަލްއަގުވާމީ ޖަމުއިއްޔާއަކާއެކު ވެފައިވާ އެއްބަސްވުމެއްގައި ޕްރޮކިއުކުރުމަށް ވަކި އުސޫލެއް ކަނޑައަޅައިފައިވާނަމަ، އަދި އެ އުސޫލެއް ގާނޫނާ ތައާރުޒުނުވާހައި ހިނދަކު، އެ ޕްރޮކިއުމަންޓެއްގެ ކަންކަން އެ އުސޫލުގައިވާ ގޮތުގެ މަތީން ކުރިޔަށް ގެންދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްރޮކިއުމަންޓް އުސޫލަށް އަމަލުކުރުމުގައި ވަކި ކަމެއް ކުރުމަށް ގޮތެއް ކަނޑައަޅައިފައި ނުވާނަމަ، އެ ކަމެއް ކުރިޔަށްގެންދަންވާނީ، މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

 

10.04 ވަނަ މާއްދާ - ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އުފެއްދުމާއި، އެ ބޯޑު އެކުލެވިގެންވާ ގޮތް

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމާއި ޕްރޮކިއުމަންޓާ ގުޅޭ ސިޔާސަތުތައް އެކުލަވައިލުމުގައި މިނިސްޓަރަށް ލަފާދިނުމަށް ޓަކައި، "ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު" އެއް އޮންނަންވާނެއެވެ. މި ބޯޑުން ދޭ ލަފާ ތަންފީޒުކުރާނީ، މިނިސްޓަރު އަންގާ ގޮތެއްގެ މަތީން، މިނިސްޓްރީގައި ހަމަޖެހިފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިންނެވެ.

(ހ) ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އެކުލެވިގެންވަނީ ޗެއަރޕަރސަނާއެކު 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ. ބޯޑަށް އައްޔަނުކުރަން ބޭނުންވާ ފަރާތްތައް ކަނޑައަޅައި މެންބަރުން އައްޔަނުކުރާނީ، މިނިސްޓަރުގެ ލަފަޔާއެކު، ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ދައުރަކީ، 3 (ތިނެއް) އަހަރުދުވަހެވެ.

(ނ) ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑަށް އައްޔަނު ކުރަންވާނީ، ފައިނޭންސް ޕްލޭނިންގ، ނުވަތަ އިންޖިނިއަރިންގ، ނުވަތަ އިންފޮރމޭށަން ޓެކްނޮލޮޖީ، ނުވަތަ ގާނޫނީ ދާއިރާ ނުވަތަ ކޮމަރސްފަދަ ޕްރޮފެށަނަލް ދާއިރާއަކުން މަތީ ތައުލީމު ލިބިފައިވުމާއެކު، އެފަދަ ދާއިރާއަކުން މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން މެންބަރަކު އައްޔަނު ކުރެވުނުކަމަށް ބަލަންވާނީ، "ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު" އަށް އައްޔަނުކޮށް، ލިޔުމުން އެކަން އެ ފަރާތަކަށް އެންގުމުންނެވެ.

(ބ) ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ، މިނިސްޓްރީން ކަނޑައަޅާ އިދާރީ އިންތިޒާމެއްގެ ތެރެއިންނެވެ.

(ޅ) ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ހިންގުމާ ގުޅޭ އުސޫލުތަކާއި އެ ބޯޑުގެ ޖަލްސާތަކާއި ނިންމުންތައް ނިންމުމާ ގުޅޭ އެންމެހައި އުސޫލުތައް ހިމަނައި ބޯޑުގެ ހިންގާ ގަވާއިދު އެކުލަވައިލައި، އެ ގަވާއިދު ފާސްކުރާނީ އެ ބޯޑުންނެވެ.

 

10.05 ވަނަ މާއްދާ - ޕްރޮކިއުމަންޓުގެ ކަމެއް ކުރުމަށް ހުއްދަދެވޭ މިންގަނޑުތައް

ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމަށް ހުއްދަދެވޭނެ ފަރާތްތަކާއި، ހުއްދަދެވޭނެ މިންގަނޑު، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ޒިންމާދާރު ޕްރޮކިއުމަންޓް އޮފިސަރަށް ނުވަތަ ލިޔުމަކުން ހުއްދަދެވިފައިވާ އޭނާގެ ދަށުގައިވާ މުވައްޒަފަކަށް ޕްރޮކިއުމަންޓުގެ ކަމެއް ކުރުމަށް ހުއްދަދެވޭނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި އެ އޮފިސަރަކަށް ހުއްދަދިނުމަށް ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މާލީ ޒިންމާދާރު ވެރިޔާ ނުވަތަ އެ ޒިންމާ އަދާކުރުމަށް އޭނާ ލިޔުމަކުން ހުއްދަދީފައިވާ ފަރާތުން ޕްރޮކިއުމަންޓުގެ ކަމެއް ކުރުމަށް ހުއްދަ ދެވޭނީ، ގަވާއިދުގެ ޖަދުވަލު 1 ގައި މާލީ ޒިންމާދާރު ވެރިޔާއަށް ހުއްދަދިނުމަށް ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) އެ އޮފީހެއްގައި ގާއިމުކޮށްފައިވާ ބިޑްކޮމިޓީއަށް ޕްރޮކިއުމަންޓުގެ ކަމެއްގައި ހުއްދަ ދެވޭނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބިޑްކޮމިޓީން ހުއްދަދިނުމަށް ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ރ) ނޭށަނަލް ޓެންޑަރ ބޯޑަށް ޕްރޮކިއުމަންޓުގެ ކަމެއް ކުރުމަށް ހުއްދަ ދެވޭނީ، މި ގަވައިދުގެ ޖަދުވަލު 1 ގައި އެ ބޯޑުން ހުއްދަދިނުމަށް ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ބ) މި ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ނ) ގެ ދަށުން، ކުރިޔަށްގެންދާ ޕްރޮކިއުމަންޓްތަކުގައި ވަޒީރުންގެ މަޖިލީހުގެ މަށްވަރާގެ މަތީން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަށްވަރާގެ މަތީން ކުރިޔަށް ގެންދިއުމަށް ނިންމިދާނެއެވެ.

(ޅ) މި ގަވާއިދުގެ 10.20 ވަނަ މާއްދާގެ ގެ (ރ) ގެ (6) ވަނަ ނަންބަރުގެ ދަށުން ކުރިޔަށްގެންދާ ޕްރޮކިއުމަންޓްތަކުގައި ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަށްވަރާގެ މަތީން ކުރިޔަށް ގެންދިއުމަށް ނިންމިދާނެއެވެ. 

 

10.06 ވަނަ މާއްދާ - ނޭށަނަލް ޓެންޑަރ ބޯޑު އުފެއްދުމާއި، ބޯޑު އެކުލެވިގެންވާ ގޮތް

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓުގެ މަސައްކަތް ކުރުމުގެ ހުއްދަދިނުމަށް ޒިންމާދާރު ޕްރޮކިއުމަންޓް އޮފިސަރުންނާއި، ދައުލަތުގެ އޮފީސްތަކުގެ ބިޑްކޮމިޓީތަކަށް ކަނޑައަޅައިފައިވާ މިންގަނޑަށްވުރެ ބޮޑު ޕްރޮކިއުމަންޓުގެ މަސައްކަތްތަކަށް ހުއްދަ ދޭނީ، ނޭށަނަލް ޓެންޑަރ ބޯޑުންނެވެ.

(ށ) ނޭށަނަލް ޓެންޑަރ ބޯޑު އެކުލެވިގެންވަނީ، ޗެއަރޕަރސަނާއެކު 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ. މި ބޯޑުގައި ހިމެނުމަށް ބޭނުންވާ ފަރާތްތައް ކަނޑައަޅައި، ޗެއަރޕާރސަނާއި މެންބަރުން އައްޔަނުކުރާނީ، މިނިސްޓަރުގެ ލަފަޔާއެކު، ރައީސުލްޖުމްހޫރިއްޔާއެވެ.

(ނ) ނޭށަނަލް ޓެންޑަރ ބޯޑުގެ ދައުރުގެ މުއްދަތަކީ، ކޮންމެ މީލާދީ އަހަރެއްގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން އައްޔަނުކުރާ މެންބަރުން ވާންވާނީ، ފައިނޭންސް، ނުވަތަ ޕްލޭނިންގ، ނުވަތަ އިންޖިނިއަރިންގ، ނުވަތަ ގާނޫނީ ދާއިރާ ނުވަތަ ކޮމާސް ފަދަ ޕްރޮފެށަނަލް ދާއިރާއަކަށް ނިސްބަތްވާ، އަދި އެ ރޮނގަކުން ތައުލީމު ލިބިފައިވާ ނުވަތަ އެފަދަ ދާއިރާއެއްގެ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.

(ބ) މި މާއްދާގެ (ށ) ގެ ދަށުން މެންބަރަކު އައްޔަނު ކުރެވުނުކަމަށް ބަލަންވާނީ، އެ މެންބަރަކަށް، މެންބަރުކަމަށް އައްޔަނުކުރިކަން ލިޔުމުން އަންގައި، އެ ލިޔުމުގައި ބަޔާންކޮށްފައިވާ ތާރީހުން ފެށިގެންނެވެ.

(ޅ) ނޭށަނަލް ޓެންޑަރ ބޯޑުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ، މިނިސްޓްރީން ކަނޑައަޅާ އިދާރީ އިންތިޒާމެއްގެ ތެރެއިންނެވެ. ސެކްރެޓޭރިއެޓުގެ ފަރާތުން ބޯޑުގެ ޖަލްސާތަކުގައި ބައިވެރިވާ ފަރާތަކަށް ބޯޑުގެ ޖަލްސާއެއްގައި ވޯޓުދިނުމުގެ ހައްގު ލިބިގެނެއް ނުވެއެވެ.

 

10.07 ވަނަ މާއްދާ - ނޭށަނަލް ޓެންޑަރ ބޯޑުގެ މެންބަރުކަމުން ވަކިވުން

ނޭށަނަލް ޓެންޑަރ ބޯޑުގެ މެންބަރަކު ވަކިވެއްޖެކަމަށް ބަލާނީ، އަންނަނިވި ހާލަތްތަކުގައެވެ.

(ހ) މެންބަރަކު ވަކިވެއްޖެކަމަށް މިނިސްޓަރުގެ ލަފަޔާއެކު، ލިޔުމަކުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ތާރީހުން ފެށިގެން.

(ށ) އެ މެންބަރަކު އަމިއްލައަށް ވަކިވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން އަންގާ ތާރީހުން ފެށިގެން.

(ނ) އެ މެންބަރަކު އައްޔަނުކުރެވުނު ދައުރު ހަމަވުން.

 

10.08 ވަނަ މާއްދާ - ނޭށަނަލް ޓެންޑަރ ބޯޑުގެ މަސްއޫލިއްޔަތު

ނޭށަނަލް ޓެންޑަރ ބޯޑުގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ޕްރޮކިއުމަންޓުގެ ހުއްދަ ހޯދުމަށް އެދި ނޭށަނަލް ޓެންޑަރ ބޯޑަށް ހުށަހަޅާ ޓެންޑަރުތައް، މި ގަވާއިދުގައިވާ ގޮތަށް ކުރިޔަށް ގެންގޮސްފައިވާކަން ކަށަވަރުކުރުމާއެކު، އެ ޓެންޑަރުތަކާމެދު ގޮތެއް ނިންމުން.

(ށ) ދައުލަތުގެ އޮފީހަކުން މަސައްކަތް ކުރުވުމަށާއި، ހިދުމަތް ހޯދުމަށާއި، ތަކެތި ގަތުމަށް ސޮއިކޮށްފައިވާ އެއްބަސްވުމަކާ ގުޅިގެން އުފެދޭ ހުސޫމާތެއް ހައްލުކުރުމަށް ބަޔާންކޮށްފައިވާ އިޖުރާއަތުތަކުގެ ތެރޭގައި އެޖުޑިކޭޓަރަކީ ނުވަތަ އެޖުޑިކޭޓަރެއް އައްޔަނުކުރާ ފަރާތަކީ ނޭށަނަލް ޓެންޑަރ ބޯޑު ކަމުގައި ހިމަނައިފައިވާ ހާލަތްތަކުގައި އެ ޖުޑިކޭޓަރެއްގެ ގޮތުގައި ނުވަތަ އެ ޖުޑިކޭޓަރެއް އައްޔަނުކުރާ ފަރާތެއްގެ ގޮތުގައި މަސައްކަތްކުރުން.

(ނ) މި ގަވާއިދުގެ ދަށުން ޓެންޑަރ ބޯޑަށް މަތިކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތައް.

(ރ) ޓެންޑަރ ބޯޑުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެ މަސްއޫލިއްޔަތެއް އަދާކުރުމުގައި ވަކި އުސޫލެއް އެކުލަވައިލަންޖެހޭކަމަށް ބޯޑަށް ފެންނަ ހާލަތުގައި އެފަދަ އުސޫލުތައް އެކުލަވައިލުމުގެ އިހްތިޔާރު، އެ ބޯޑަށް ލިބިގެންވެއެވެ.

 

10.09 ވަނަ މާއްދާ - ނޭށަނަލް ޓެންޑަރ ބޯޑުގެ ހިންގާ ގަވާއިދު

ނޭށަނަލް ޓެންޑަރ ބޯޑުގެ ހިންގާ ގަވާއިދު ހަދާނީ، ނޭށަނަލް ޓެންޑަރ ބޯޑުންނެވެ.

 

10.10 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުގެ ބިޑްކޮމިޓީތައް އުފެއްދުމާއި، ކޮމިޓީ އެކުލެވިގެންވާ ގޮތް

(ހ) ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓުގެ މަސައްކަތްތަކުގެ ތެރެއިން މި ގަވާއިދުގައިވާ ގޮތުގެ މަތީން ދައުލަތުގެ އޮފީސްތަކުގެ ބިޑް ކޮމިޓީތަކުން ހުއްދަދޭންޖެހޭ ޕްރޮކިއުމަންޓުގެ މަސައްކަތްތަކަށް ހުއްދަދިނުމަށް ޓަކައި ދައުލަތުގެ ކޮންމެ އޮފީހެއްގައި ވެސް ބިޑް ކޮމިޓީއެއް އުފައްދަންވާނެއެވެ.

(ށ) ދައުލަތުގެ އޮފީސްތަކުގައި ބިޑްކޮމިޓީ އުފައްދައި، އެ ކޮމިޓީއަށް މެންބަރުން އައްޔަނު ކުރާނީ، އެ އޮފީހެއްގެ އެންމެ އިސްވެރިޔާގެ ލަފާގެ މަތީން، މިނިސްޓަރެވެ.

(ނ) ދައުލަތުގެ އޮފީހެއްގެ ދަށުން ހިންގަމުންދާ އިދާރާތަކުގައި، ބިޑްކޮމިޓީއެއް އުފެއްދުމަށް އެ މިނިސްޓްރީއެއްގެ މިނިސްޓަރަށް ނުވަތަ އެ މުއައްސަސާއެއްގެ އެންމެ އިސްވެރިޔާއަށް ފެނިއްޖެނަމަ، މިނިސްޓަރުގެ ހުއްދަޔާއެކު، އެފަދަ ކޮމިޓީއެއް އެ ތަނެއްގައި އުފެއްދިދާނެއެވެ.

(ރ) ބިޑްކޮމިޓީ އެކުލެވިގެންވަނީ، ޗެއަރޕަރސަނާއެކު 3 (ތިނެއް) މެންބަރުންނާއި 7 (ހަތެއް) މެންބަރުންނާ ދެމެދުގެ އޮނަހިރި އަދަދެއްގެ މެންބަރުންގެ މައްޗަށެވެ.

(ބ) ބިޑް ކޮމިޓީއަށް އައްޔަނުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަކީ، އެ ކޮމެޓީގެ މަސައްކަތްތައް ކުރުމަށް ޓަކައި ބޭނުންވާ ފަންނީ ހުނަރާއި މައުލޫމާތާއި ތަޖުރިބާ ލިބިފައިވާ، ޒިންމާދާރުކަމާއެކު ކަންކަން ނިންމުމުގެ ގާބިލުކަން ހުރި ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ށަރުތު ހަމަވާ ފަރާތެއް އެ އޮފީހެއްގައި ނެތް ހާލަތެއްގައި، އެ ރަށެއްގައި ހިނގަމުންދާ ދައުލަތުގެ އެހެން އޮފީސްތަކުގެ މުވައްޒަފުން ހިމެނޭގޮތަށް ބިޑް ކޮމިޓީއަށް އައްޔަނުކުރުމަށް އެދެވިދާނެއެވެ.

(ކ) މި މާއްދާގެ (ށ) ގެ ދަށުން ގާއިމްކުރާ ބިޑް ކޮމިޓީއެއްގެ މެންބަރެއްގެ ގޮތުގައި، ސިޔާސީ މަގާމެއް އަދާކުރަމުންދާ ފަރާތްތަކާއި، އިންތިހާބުވެގެން ހޮވިފައިވާ ފަރާތްތަކާއި، ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓް ޔުނިޓުތަކުގެ ނުވަތަ ޕްރޮކިއުމަންޓުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ސެކްށަނެއްގެ އެއްވެސް މުވައްޒަފަކު އައްޔަނު ކޮށްގެން ނުވާނެއެވެ.

(އ) ބިޑްކޮމިޓީގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ، އެ އޮފީހެއްގެ ޕްރޮކިއުމަންޓް ޔުނިޓުންނެވެ. ޕްރޮކިއުމަންޓް ޔުނިޓު އުފައްދައިފައިނުވާ އޮފީހެއްނަމަ، އެކަން ކުރާނީ، ޕްރޮކިއުމަންޓުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ މުވައްޒަފުންނެވެ.

(ވ) ބިޑްކޮމިޓީއަށް އައްޔަނުކުރާ މެންބަރުންގެ ދަފުތަރެއް މިނިސްޓްރީން އެކުލަވައިލައިފައި އޮންނަންވާނެއެވެ.

(މ) ބިޑްކޮމިޓީތަކުގެ ހިންގާ ގަވާއިދެއް އޮންނަންވާނެއެވެ. މި ގަވާއިދު އެކުލަވައިލާނީ، ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ލަފާގެ މަތީން، މިނިސްޓްރީންނެވެ.

 

10.11 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުގެ ބިޑްކޮމިޓީތަކުގެ މެންބަރުކަމުން ވަކިވުން

ދައުލަތުގެ އޮފީސްތަކުގެ ބިޑްކޮމިޓީތަކުގެ މެންބަރަކު ވަކިވެއްޖެކަމަށް ބަލާނީ، އަންނަނިވި ހާލަތްތަކުގައި އަދި އަންނަވި ތާރީހުން ފެށިގެންނެވެ.

(ހ) އެ މެންބަރަކު ވަކިވެއްޖެކަމަށް އެ އޮފީހެއްގެ އެންމެ އިސްވެރިޔާގެ ލަފާގެ މަތީން މިނިސްޓަރު ކަނޑައަޅައި، ލިޔުމަކުން އެ މެންބަރަކަށް އަންގާ ތާރީހުން ފެށިގެން.

(ށ) އެ މެންބަރަކު އަމިއްލައަށް ވަކިވުމަށް ލިޔުމަކުން މިނިސްޓަރަށް އަންގާ ތާރީހުން ފެށިގެން.

(ނ) އެ މެންބަރަކު އެ އޮފީހެއްގެ ވަޒީފާއިން ވަކިވާ ތާރީހުން ފެށިގެން ނުވަތަ ވަކިކުރާ ތާރީހުން ފެށިގެން.

(ރ) އެ މެންބަރަކު އައްޔަނުކުރި ދައުރު ހަމަވާ ތާރީހުން ފެށިގެން.

 

10.12 ވަނަ މާއްދާ - ބިޑް ކޮމިޓީގެ މަސްއޫލިއްޔަތު

(ހ) ބިޑްކޮމިޓީތަކުން ހުއްދަދެވޭނެ މިންވަރު، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާނެއެވެ.

(ށ) ބިޑްކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމަންޓްތަކަށް ހުއްދަ ދިނުމުގެ ކުރިން، ޕްރޮކިއުމަންޓްތައް ކުރިޔަށް ގެންގޮސްފައިވަނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންކަން، އެ ކޮމިޓީން ބަލައި ޗެކުކުރަންވާނެއެވެ.

(ނ) ބިޑްކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމަންޓްތަކަށް ހުއްދަދެވޭނީ، އެ ކޮމިޓީން ހުއްދަދިނުމަށް ކަނޑައަޅައިފައިވާ މިންވަރަށް ފެތޭ، އެ އޮފީހެއްގެ ޕްރޮކިއުމަންޓަކަށް އެކަންޏެވެ.

 

10.13 ވަނަ މާއްދާ - ނޭށަނަލް ޓެންޑަރ ބޯޑާއި ބިޑްކޮމިޓީތަކުގެ ބައްދަލުވުންތައް

(ހ) ނޭށަނަލް ޓެންޑަރ ބޯޑުގެ ބައްދަލުވުމެއް ނުވަތަ ބިޑްކޮމިޓީއެއްގެ ބައްދަލުވުމެއް ބާއްވަންވާނީ، އެ ފަރާތަކަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، ޕްރޮކިއުމަންޓުގެ މަސައްކަތަށް އެ ފަރާތުގެ ހުއްދަ ހޯދަންޖެހޭ މިންގަނޑުގެ ބިޑްތަކާމެދު ގޮތެއް ނިންމުމަށާއި، ހަވާލުކޮށްފައިވާ އެއްބަސްވުންތަކަށް ގެނައުމަށް ހުށަހަޅާ ބަދަލުތަކަށް ގޮތެއް ނިންމުމަށާއި، ކަމެއް އަލުން ބަލަން ޖެހިއްޖެ ހިނދެއްގައި އެ ކަމެއް ބެލުމަށެވެ. މިގޮތުން، ބައްދަލުވުންތައް ބާއްވާނެ ދުވަހާއި ވަގުތާއި ތަން ކަނޑައަޅާނީ، ޗެއަރޕަރސަންގެ ލަފާގެ މަތީން، ސެކްރެޓޭރިއެޓުންނެވެ.

(ށ) ޗެއަރޕަރސަން ހާޒިރުނުވެއްޖެ ހާލަތެއްގައި ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން އެ ޖަލްސާއަކަށް އެކްޓިންގ ޗެއަރޕަރސަނެއް ހޮވަންވާނެއެވެ.

(ނ) ނޭށަނަލް ޓެންޑަރ ބޯޑާއި ބިޑްކޮމިޓީގެ ކޯރަމަކީ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން އަދަދެކެވެ. އެޖެންޑާކޮށްފައިވާ އައިޓަމަކާ ގުޅިގެން އެ މެންބަރެއްގެ އަމިއްލަ މަސްލަހަތާ ގުޅިފައިވާ ކަމެއް މެންބަރަކު ހާމަކޮށްފިނަމަ، އެ އައިޓަމާ ގުޅިގެން މަށްވަރާކުރުމަށާއި ގޮތެއް ނިންމުމަށް ކޯރަމް ހަމަކުރުމުގައި އެ މެންބަރަކު ހިމަނައިގެން ނުވާނެއެވެ.

(ރ) ނޭށަނަލް ޓެންޑަރ ބޯޑާއި ބިޑްކޮމިޓީގެ ނިންމުމެއް ނިންމަންވާނީ، ޗެއަރޕަރސަން ފިޔަވައި ހާޒިރުވެތިބި މެންބަރުންގެ ވޯޓުގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް، ވޯޓުގެ އަދަދު އެއްވަރުވެއްޖެނަމަ، ވޯޓުގެ އަޣުލަބިއްޔަތު ކަނޑައަޅާނީ، ޗެއަރޕަރސަން ނުވަތަ އެކްޓިން ޗެއަރޕަރސަންގެ ވޯޓަކުންނެވެ.

(ބ) ނޭށަނަލް ޓެންޑަރ ބޯޑާއި ބިޑްކޮމިޓީއަށް ހުށަހަޅާ ބިޑުތަކާމެދު ގޮތެއް ނިންމުމުގައި ބަލަންވާނީ، އެ ބިޑަކާއެކު ހުށަހަޅައިފައިވާ ހުށަހެޅުމަށާއި، އެ ބީލަމަކާ ގުޅުންހުރި މައުލޫމާތުތަކަށާއި ލިޔުންތަކުގެ މައްޗަށެވެ. މިގޮތުން ބިޑުތަކާމެދު ގޮތެއް ނިންމުމުގައި، އެ ހުށަހެޅުމެއް ފާސްވިކަން ނުވަތަ ނުވާކަން ކަނޑައަޅަންވާނެއެވެ.

(ޅ) ނޭށަނަލް ޓެންޑަރ ބޯޑުގެ ހުއްދަ ހޯދުމަށް ހުށަހަޅާ އިވެލުއޭށަންތަކާއި، ބިޑްކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ އިވެލުއޭށަންތައް ގަބޫލުނުކޮށް އިވެލުއޭށަން ކޮމިޓީއަށް ފޮނުވައިލާނަމަ، އަނބުރާ ފޮނުވައިލަން ޖެހުނު ސަބަބު، ލިޔުމަކުން އެ ފަރާތަކަށް އަންގަންވާނެއެވެ. މިގޮތުން، އަނބުރާ ފޮނުވައިފައިވާ ހުށަހެޅުމެއް އިސްލާހުކުރުމަށްފަހު އަލުން ހުށަހެޅިދާނެއެވެ.

(ކ) ނޭށަނަލް ޓެންޑަރ ބޯޑާއި ބިޑްކޮމިޓީއަށް ހުށަހަޅައިފައިވާ ހުށަހެޅުމެއްގައި އިސްލާހުކުރަންޖެހޭ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެ ކަމެއް ފުރިހަމަކުރުމަށް ށަރުތުކޮށް، އެ ހުށަހެޅުމެއް ފާސްކުރުމަށް ނިންމިދާނެއެވެ.

(އ) ނޭށަނަލް ޓެންޑަރ ބޯޑާއި ބިޑްކޮމިޓީގެ މަސައްކަތްތަކުގައި އިތުރު ފަރާތްތަކުން ލަފާހޯދަންޖެހޭ ހާލަތްތަކުގައި ބޯޑުން ނުވަތަ ކޮމިޓީން ކަނޑައަޅާ ފަރާތްތަކެއްގެ އެހީތެރިކަން ހޯދިދާނެއެވެ. ނަމަވެސް، ލަފާދިނުމުގެގޮތުން ބައިވެރިވާ ފަރާތްތަކަށް ބޯޑުގެ ނުވަތަ ކޮމެޓީގެ ނިންމުމެއް ނިންމުމުގައި ވޯޓެއް ނުދެވޭނެއެވެ. އަދި ބޯޑުގެ ނުވަތަ ކޮމެޓީގެ ބައްދަލުވުންތަކުގައި ލަފާދިނުމުގެގޮތުން ބައިވެރިކުރަންޖެހޭ ފަރާތްތައް ބައިވެރިކުރާނީ، ހަމައެކަނި އެ ކަމެއްގެ މަށްވަރާކުރާ ވަގުތުގައި އެކަމަކަށް އެކަންޏެވެ.
 
(ވ) ނޭށަނަލް ޓެންޑަރ ބޯޑު ނުވަތަ ބިޑް ކޮމިޓީގެ ހުއްދަޔާއެކު އޮބްޒާވަރުންނަށާއި، މިނިސްޓްރީގައި ޕްރޮކިއުމަންޓުގެ ކަންތައްތައް ހިންގާ ފަރާތަށާއި، ބޮޑެތި މަށްރޫއުތަކުގެ ކޯޑިނޭޓިންގ ކޮމިޓީއަށާއި، އެ ކަމެއް ކުރުމަށް ބޭނުންވާ އޮފީހެއްގެ އެ މައުލޫމާތު ދެވޭވަރުގެ އިސް މުވައްޒަފަކަށް ނޭށަނަލް ޓެންޑަރ ބޯޑުގެ ބައްދަލުވުމެއްގައި ނުވަތަ ބިޑް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވިދާނެއެވެ. ނަމަވެސް، ވޯޓުދިނުމުގައި އެ ފަރާތްތަކަށް ބައިވެރިއެއް ނުވެވޭނެއެވެ.

(މ) ނޭށަނަލް ޓެންޑަރ ބޯޑާއި ބިޑްކޮމިޓީގެ ބައްދަލުވުމެއް ބާއްވާ ކޮންމެ ފަހަރަކު، އެ ބައްދަލުވުމެއް ކުރިޔަށްދިޔަ ގޮތުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަންވާނެއެވެ. މި ޔައުމިއްޔާގައި، ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ބައްދަލުވުމަށް ހާޒިރުވި މެންބަރުންނާއި، ހާޒިރުނުވާ މެންބަރުން؛
  2. އެ ބައްދަލުވުމަށް ހާޒިރުވި އެޑްވައިޒަރުންނާއި، އޮބްޒާވަރުން؛
  3. މެންބަރެއްގެ މަސްލަހަތާ ގުޅިފައިވާ ކަމެއް އޮތްނަމަ، އެ ކަމެއްގެ މައުލޫމާތު؛
  4. ބައްދަލުވުމަށް ހުށަހެޅިފައިވާ ކަންތައްތަކާއި، އެ ކަންތައްތައް ނިންމި ގޮތުގެ ތަފުސީލު؛
  5. ހުށަހެޅުމެއް ގަބޫލުނުކުރި ސަބަބާއި، ގަބޫލުކުރުމުގައި ކަމެއް ށަރުތުކޮށްފައިވާނަމަ އެ ކަމެއް؛
  6. ކޮންމެ ހުށަހެޅުމަކާ ގުޅިގެން މަށްވަރާކުރެވުނު މުހިންމު ކަންތައްތައް. މީގެ ތެރޭގައި، އެ ކަމަކާ ގުޅިގެން ދެވިފައިވާ ލަފަޔާއި، މެންބަރުންގެ މެދުގައި އެއްބަސްނުވެވުނު ކަމެއް އޮތްނަމަ އެ ކަމެއް.

(ފ) ނޭށަނަލް ޓެންޑަރ ބޯޑާއި ބިޑްކޮމިޓީގެ ބައްދަލުވުމެއް ބާއްވާތާ ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ބައްދަލުވުމުގެ ޔައުމިއްޔާއާއި އެ ބައްދަލުވުމުގައި ނިންމައިފައިވާ ކަންތައްތަކުގެ މައުލޫމާތު، މެންބަރުންގެ މައުލޫމާތަށް ޓަކައި ފޯރުކޮށްދޭންވާނެއެވެ. އަދި މީގެ އިތުރަށް، ނޭށަނަލް ޓެންޑަރ ބޯޑުގެ ނުވަތަ ބިޑްކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ފާސްކުރާތާ، ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެވެ.

(ދ) ކުއްލި ހާލަތެއް ދިމާވެގެން ކޮންމެހެން ނިންމަންޖެހޭ ކަމެއް ނިންމުމަށް އެކަމަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކަރުދާސްތައް މެންބަރުންނަށް ފޮނުވައިގެން އެކަމަކާ ގުޅޭގޮތުން މެންބަރުން ދެކޭގޮތް ލިޔުމުން ހުށަހަޅައި، މެންބަރުންގެ އަޣުލަބިއްޔަތުން އެ ކަމެއް ނިންމިދާނެއެވެ. ނަމަވެސް، ނޭށަނަލް ޓެންޑަރ ބޯޑުގެ ނުވަތަ ބިޑްކޮމިޓީގެ ޖަލްސާއަކުން އެ ކަމެއް ނިންމުމަށް މެންބަރަކު ހުށަހަޅައިފައިވާނަމަ، އެ ކަމެއް ނިންމަންވާނީ، ބޯޑުގެ ނުވަތަ ކޮމިޓީގެ ބައްދަލުވުމަކަށް ހުށަހަޅައިގެންނެވެ.

(ތ) އޯޑިއޯ ކޮންފެރެންސް ނުވަތަ ވީޑިއޯ ކޮންފެރެންސްކުރެވޭ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ބިޑް ކޮމިޓީއާއި ނޭށަނަލް ޓެންޑަރ ބޯޑުގެ ބައްދަލުވުންތައް ބޭއްވިދާނެއެވެ. މިފަދަ ބައްދަލުވުންތައް ބާއްވާނޭ ގޮތުގެ އުސޫލެއް، ބިޑް ކޮމިޓީއާއި ޓެންޑަރ ބޯޑުގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

10.14 ވަނަ މާއްދާ - މަސްލަހަތު ގުޅިފައިވާ ކަންތައްތަކުގައި ނޭށަނަލް ޓެންޑަރ ބޯޑާއި ބިޑު ކޮމިޓީގެ މެންބަރުން އަމަލުކުރަންޖެހޭ ގޮތް

(ހ) މެންބަރަކަށް، ނުވަތަ މެންބަރެއްގެ ގާތްތިމާގެ މީހަކަށް، ނުވަތަ މެންބަރަކާއެކު މަސައްކަތްކުރާ މީހަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ފައިދާއެއް ކުރާނެ ކަމެއް ނިންމުމަށް ނޭށަނަލް ޓެންޑަރ ބޯޑަށް ނުވަތަ ބިޑްކޮމިޓީގެ ޖަލްސާއަކަށް އެޖެންޑާ ކޮށްފައިވާނަމަ، ތިރީގައިމިވާ ގޮތުގެ މަތީން އެ މެންބަރަކު އަމަލުކުރަންވާނެއެވެ.

  1. ނޭށަނަލް ޓެންޑަރ ބޯޑުގެ ނުވަތަ ބިޑްކޮމިޓީގެ ޖަލްސާގެ އެޖެންޑާ ލިބުމުން، މެންބަރަކާ ގުޅުމެއްހުރި އައިޓަމެއް އެޖެންޑާކޮށްފައިވާނަމަ، އެ ޖަލްސާއެއްގައި އެ މެންބަރަކު އެކަން ހާމަކުރުން ނުވަތަ ނޭށަނަލް ޓެންޑަރ ބޯޑު ނުވަތަ ބިޑްކޮމިޓީގެ ސަމާލުކަމަށް އެފަދަ ކަމެއް އަތުވެއްޖެނަމަ، މަސްލަހަތު ފުށުއަރާ މެންބަރަކަށް އެ ކަމެއް އަންގައި، އެކަން ހާމަކުރަންވާނެއެވެ.
  2. މި މާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުމާއެކު، އެ ބައްދަލުވުމަކަށް ހާޒިރުވިޔަސް، އެފަދަ ކަމެއްގެ މަށްވަރާގައްޔާއި ގޮތެއް ނިންމުމުގައި ބައިވެރިނުވުން.

(ށ) އަމިއްލަ މަސްލަހަތާ ގުޅިފައިވާ ކަމެއް ޖަލްސާއެއްގައި މެންބަރަކު ހާމަކޮށްފިނަމަ، އެ ޖަލްސާއަކީ މި ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް މެންބަރެއްގެ އަމިއްލަ މަސްލަހަތާ ގުޅުންހުރި ކަމެއް ހުށަހެޅުނު ބައްދަލުވުމެއްކަމަށް، ނުވަތަ އެ ބައްދަލުވުމުގައި މެންބަރެއްގެ މަސްލަހަތުހުރި ކަމެއް ހިމެނޭތީ، މެންބަރަކު އެކަން ބަޔާންކޮށް އެފަދަ ކަމަކަށް މަށްވަރާކުރުމުގައްޔާއި ވޯޓުދިނުމުގައި ބައިވެރިނުވާ ބައްދަލުވުމެއްކަން އެނގޭގޮތަށް އެ ބައްދަލުވުމުގެ ޔައުމިއްޔާގައި ލިޔަންވާނެއެވެ.

 

10.15 ވަނަ މާއްދާ - ޕްރޮކިއުމަންޓުގެ މަސްއޫލިއްޔަތާއި ޒިންމާ މުއައްސަސާތަކަށް ބެހިފައިވާ ގޮތް

(ހ) ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށްގެންދާނޭ ގޮތްތަކާއި ތަފާތު އަގުތަކުގެ ޕްރޮކިއުމަންޓުގެ ކަންތައްތަކާ ގުޅޭގޮތުން މަސްއޫލިއްޔަތު އުފުލާނެ އޮފީސްތައް ކަނޑައަޅާނީ، ތިރީގައިވާ އުސޫލުން، މިނިސްޓަރެވެ.

  1. ދައުލަތުގެ އޮފީސްތަކަށް އާންމުކޮށް ބޭނުންވާ ތަކެއްޗާއި ވަކި ކަމަކަށް ބޭނުންކުރާ ހާއްސަ ތަކެތި ގަތުމަށާއި، މަސައްކަތް ކުރުވުމަށާއި، ހިދުމަތް ހޯދުމުގައި މަރުކަޒީ އުސޫލުން މުޅި ދައުލަތުގެ އޮފީސްތަކަށް ބޭނުންވާ އެއްކަހަލަ ތަކެތި، ހިދުމަތް ހޯދުމަށާއި މަސައްކަތްތައް ކުރުވުމަށް މި ގަވާއިދުގެ 10.16 ގެ (ރ) އާ އެއްގޮތަށް، ވަކި އޮފީހެއް ނުވަތަ އޮފީސްތަކެއް ކަނޑައެޅުން ނުވަތަ އެފަދަ ކަންތައްތަކަށް އިދާރީ އިންތިޒާމެއް ހަމަޖެއްސުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
  2. މި މާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި، މަސައްކަތާއި ތަކެތީގެ އަގު، މި ގަވާއިދުގެ ޖަދުވަލު 1 އިން ބިޑްކޮމިޓީއަށް އިހުތިޔާރު ދީފައިވާ މިންގަނޑަށްވުރެ މަތިނުވާނަމަ، އާންމު ބޭނުންތަކަށް ހޯދަންޖެހޭ ތަކެތި ގަތުމާއި ހިދުމަތް ހޯދުމާއި މަސައްކަތްތައް ކުރުވުމުގެ ކަންތައްތައް އެ އޮފީހަކުން އަމިއްލައަށް ކުރަމުން ގެންދިޔުން؛
  3. މި މާއްދާގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަކެއްޗާއި މަސައްކަތްތައް ފިޔަވައި، ތަކެތި ގަތުމާއި މަސައްކަތް ކުރުވުމުގެ ނިޒާމެއް ގާއިމުކުރުމުގެ އިހްތިޔާރު، މިނިސްޓަރަށް ލިބިގެންވޭ.

(ށ) ދައުލަތުގެ އޮފީސްތަކުން ޒިންމާވާންޖެހޭ ކަންތައްތަކުގެ ތެރޭގައި، އަންނަނިވި ކަންތައްތައް ހިމެނެއެވެ.

  1. އަހަރީ ޕްރޮކިއުމަންޓް ޕްލޭން ތައްޔާރުކޮށް، އެ ޕްލޭނުގައިވާ ޕްރޮކިއުމަންޓާ ގުޅޭ މައުލޫމާތު، މިނިސްޓަރު ކަނޑައަޅާ ވަކި އޮފީހަކަށް ނުވަތަ އޮފީސްތަކަށް ފޯރުކޮށްދިނުން؛
  2. ކޮންމެ އަހަރަކު ވެސް ކުރިޔަށްއޮތް އަހަރަށް އެ އޮފީހަކަށް ހޯދަންޖެހޭ އެންމެހައި ތަކެއްޗަކާއި، ހިދުމަތްތަކާއި، ކުރުވަންޖެހޭ އެންމެހައި މަސައްކަތުގެ މައުލޫމާތު ހިމަނައިގެން، އެ ކަންކަމަށް ބޭނުންވާ ހުއްދަ ހޯދައި، އެ ކަންތައްތަކަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނުން.

(ނ) ޕްރޮކިއުމަންޓުގެ ކަންތައްތައް ހިންގާ ދައުލަތުގެ ކޮންމެ އޮފީހެއްގައި، އެ ތަނަކުން ހިންގާ ޕްރޮކިއުމަންޓުގެ ކަންތައްތަކުގައި މަސްއޫލުވެ ޖަވާބުދާރީވުމަށް، ޒިންމާދާރު ޕްރޮކިއުމަންޓް އޮފިސަރ ކަނޑައަޅަންވާނެއެވެ. އަދި ދިމާވާ މައްސަލަތަކުގައި އެ ފަރާތުން ޒިންމާވާންޖެހޭނެއެވެ.

 

10.16 ވަނަ މާއްދާ - ޕްރޮކިއުމަންޓުގެ ކަންތައްތައް ހިންގާ ބަލަހައްޓާ އޮފީސްތަކުގެ މަސައްކަތްތައް

(ހ) ދައުލަތުގެ އޮފީސްތަކުން ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމުގައި ތިރީގައިމިވާ ކަންތައްތައް ކުރަންވާނެއެވެ.

  1. އެ ކަމަކާ ގުޅުންހުރި ވަކިވަކި ޕްރޮކިއުމަންޓް ޕްލޭންތައް ތައްޔާރުކުރުން؛
  2. ޕްރޮކިއުމަންޓުގެ ކަންތައްތަކަށް ބޭނުންވާ ރިކުއަރމަންޓް ތައްޔާރުކުރުމާއި، ރިކުއަރމަންޓް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ލިބެންހުރި ދައުލަތުގެ އޮފީސްތަކުން އެ މައުލޫމާތު ހޯދުން؛
  3. ޕްރޮކިއުމަންޓުގެ މަސައްކަތް މި ގަވާއިދާ އެއްގޮތަށް ކުރިޔަށް ގެންދިޔުން؛
  4. ބިޑް ޑޮކިއުމަންޓް ތައްޔާރުކުރުން؛
  5. ބީލަން ކަރުދާސް ތައްޔާރުކުރުމާއި، އިއުލާނު ތައްޔާރުކުރުމާއި، ށޯޓްލިސްޓްކުރާނަމަ ށޯޓްލިސްޓު ކުރުން.؛
  6. ބިޑް ދިރާސާކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމާއި، ބިޑް އިވެލުއޭށަން ރިޕޯޓު އެކުލަވައިލުމާއި، ކޮންޓްރެކްޓް ހަވާލުކުރާނޭ ފަރާތެއް ހޮވުމުގައި އެ އޮފީހެއްގެ ފަންނީ މުވައްޒަފުން ބައިވެރިކުރުމާއި، އެ މުވައްޒަފުންގެ ލަފާ ހޯދުން؛
  7. މަސައްކަތުގެ އެއްބަސްވުން (ކޮންޓްރެކްޓް) ތައްޔާރުކުރުމާއި، އެއްބަސްވުމަށް ގެންނަންޖެހޭ އިސްލާހު ގެނައުން؛
  8. ޕްރޮކިއުމަންޓާބެހޭ ރިޕޯޓެއް ތައްޔާރުކުރަންޖެހޭނަމަ، އެ ރިޕޯޓެއް ތައްޔާރުކުރުން؛
  9. ބިޑްކޮމިޓީގެ މަސައްކަތްތައް ކުރުން ނުވަތަ ކުރިޔަށް ގެންދިޔުން.

(ށ) ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމުގައި ފަންނީއެހީ ހޯދަންވާނީ، އެ ކަމަކަށް އެކަށީގެންވާ ގާބިލު ފަރާތަކުންނެވެ. އެ ފަރާތަކީ ޕްރޮކިއުމަންޓުގެ މަސައްކަތް ހަވާލުކުރެވިފައިވާ ދައުލަތުގެ އޮފީހަކުން ނުވަތަ ޕްރޮކިއުމަންޓުގެ މަސައްކަތަށް އެދޭ ދައުލަތުގެ އޮފީހަކުން ނުވަތަ ބޭނުންވެއްޖެ ހާލަތެއްގައި ބޭރުން އައްޔަނުކުރެވޭ ފަރާތެކެވެ. ފަންނީއެހީ ފޯރުކޮށްދޭ ފަރާތުގެ ފެންވަރު ކަނޑައަޅާނީ، ޕްރޮކިއުމަންޓުގެ މަސައްކަތުގެ ބާވަތަށާއި، ދަތި އުނދަގޫވަރަށް ބަލައިގެންނެވެ. އެފަދަ ފަންނީ އެހީތެރިކަން ހޯދުމަށް ބޭނުންވާނެ ކަންތައްތައް، ތިރީގައި މިވަނީއެވެ.

  1. ރިކުއަރމަންޓް ސްޓޭޓްމަންޓް ތައްޔާރުކުރުމަށް؛
  2. ޕްރީ-ބިޑް މީޓިންގގެ ސުވާލުތަކަށް ޖަވާބުދާރީވުމަށާއި، ބީލަމަކާ ގުޅޭގޮތުން ސާފުކުރަންޖެހޭ މައުލޫމާތު ސާފުކޮށްދިނުމަށް؛
  3. ބިޑް ދިރާސާކުރުމުގައި ފަންނީ ކަންކަން ވަޒަންކުރުމަށް.

(ނ) ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމަށް ކަނޑައަޅައިފައިވާ ދައުލަތުގެ ވަކި އޮފީހަކުން ނުވަތަ މިނިސްޓްރީގައި އެކަމަށް ހަދައިފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން ދައުލަތުގެ އެހެން އޮފީހެއްގެ ބޭނުމަށް ޕްރޮކިއުމަންޓުގެ މަސައްކަތެއް ކުރިޔަށް ގެންދަންވާނީ ތިރީގައިމިވާ ގޮތުގެ މަތީންނެވެ.

  1. ޕްރޮކިއުމަންޓުގެ ހުރިހާ މަރުހަލާއެއްގައި ވެސް ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމުގައި އެ ކަމަކަށް އެދިފައިވާ ދައުލަތުގެ އޮފީހާ ގުޅިގެން ކުރުން؛
  2. ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމަށް އެދިފައިވާ ދައުލަތުގެ އޮފީހުން ލިބެންހުރި ފަންނީއެހީއާއި ލަފާ ހޯދުން؛ 
  3. ބިޑް ދިރާސާކުރުމުގައި ޕްރޮކިއުމަންޓުގެ ކަންތައްތަކަށް އެދިފައިވާ ދައުލަތުގެ އޮފީސް ނުވަތަ އެ ހިދުމަތް ނުވަތަ ހޯދާ ތަކެތި ބޭނުންކުރާ އޮފީސް ތަމްސީލުކުރާނޭ ފަރާތެއް ބައިވެރިކުރުން.

(ރ) ދައުލަތުގެ ހުރިހާ އޮފީސްތަކެއްގެ އާންމު ބޭނުމަށް މަރުކަޒީ އުސޫލުން ގަނެވޭ ތަކެތި ގަތުމުގައި ނުވަތަ މަސައްކަތް ކުރުވުމުގައި މި މާއްދާގެ (ނ) އިސްތިސްނާވާނެއެވެ. މިގޮތުން ތަކެތި ގަތުމުގައި އަމަލުކުރާނީ، ތިރީގައިމިވާ ގޮތުގެ މަތީންނެވެ.

  1. ދައުލަތުގެ ހުރިހާ އޮފީސްތަކެއްގެ އާންމު ބޭނުމަށް ހޯދަންޖެހޭ ތަކެއްޗާއި ކުރުވާ މަސައްކަތް، ނުވަތަ ވަކި ކަމަކަށް ބޭނުންވާ މަސައްކަތް ކުރުވުމާއި ތަކެތި ހޯދުމުގެ މަސައްކަތް ވަކި އޮފީހަކަށް ނުވަތަ އޮފީސްތަކަށް ސަރކިއުލަރއަކުން މިނިސްޓަރަށް ހަވާލުކުރެވިދާނެއެވެ.
  2. އާންމުކޮށް ބޭނުންވާ ތަކެއްޗާއި، އާންމުކޮށް ކުރުވަންޖެހޭ މަސައްކަތް ކުރުވުމަށް ވަކި އޮފީހަކާ ހަވާލުކޮށްފައި ނުވާނަމަ، އެ ތަކެއްޗާއި މަސައްކަތް އެ އޮފީހަކުން ކުރިޔަށް ގެންދަންވާނީ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
  3. އާންމުކޮށް ބޭނުންކުރެވޭ ތަކެތިކަމުގައި ބެލެވޭނީ، ދައުލަތުގެ އެއްއޮފީހަކަށްވުރެ ގިނަ އޮފީސްތަކަކުން ބޭނުންކުރާ ތަކެއްޗާއި، ކުރުވާ މަސައްކަތާއި، ހޯދަންޖެހޭ ހިދުމަތަށެވެ.

 

10.17 ވަނަ މާއްދާ - ޕްރޮޕޯޒަލް ހުށަހެޅުމުގެ ދައުވަތުދިނުމާއި، އެ ފަރާތްތައް ޕްރީ ކޮލިފައި ކުރުމާއި ށޯޓްލިސްޓްކުރުން

(ހ) ޕްރޮޕޯޒަލް ހުށަހެޅުމުގެ ދައުވަތު (ރިކްއެސްޓް ފޮރ ޕްރޮޕޯޒަލް) ދެވޭނީ، ފަންނީ ހިދުމަތް (ކޮންސަލްޓެންސީ ސަރވިސަސް) ހޯދުމަށާއި، އެ ޕްރޮޖެކްޓެއްގެ ބާވަތުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ދައުވަތު ދިނުމަށެވެ. މިގޮތުން ކަމަށް އެކަށީގެންވާ ފަރާތްތަކެއް ޕްރީ ކޮލިފައި ކުރުމަށްފަހު، އެ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ދޭންވާނެއެވެ. އަދި އެފަދަ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއް ހޯދައިދިނުމުގެގޮތުން މި ގަވާއިދުގެ 10.33 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އާންމުކޮށް އިއުލާނުކޮށް ށާއިއުކުރަންވާނެއެވެ. ށޯޓްލިސްޓްކުރާނީ، ށައުގުވެރިކަން ފާޅުކުރާ (އެކްސްޕްރެށަން އޮފް އިންޓްރެސްޓް) ފަރާތްތަކުގެ ތެރެއިން އެ ކަމެއްގެ ތަޖުރިބާއާއި ގާބިލުކަންހުރި، އެކަމަށް އެންމެ އެކަށީގެންވާ ފަރާތްތަކެވެ. މިގޮތުން ށޯޓްލިސްޓްކުރެވޭ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދައުވަތުދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އާންމުކޮށް އިއުލާނުކުރާ ބީލަންތަކުގައި، މި ގަވާއިދުގެ ޖަދުވަލު 1 ގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މިންގަނޑަށްވުރެ އެ ޕްރޮޖެކްޓެއްގެ އަންދާޒާ އަގު ބޮޑުނުވާނަމަ، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓަކަށް ނުވާ ދިވެހި ކުންފުނިތަކަށް އެކަނި ބައިވެރިވެވޭގޮތަށް ހަނިކުރެވިދާނެއެވެ.

 

10.12 ވަނަ މާއްދާ - ވަކި ބަޔަކަށް ނުވަތަ ފަރާތްތަކަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުން (ރެސްޓްރިކްޓެޑް ޓެންޑަރިންގ)

(ހ) ރެސްޓްރިކްޓެޑް ޓެންޑަރިންގއަކީ އާންމުކޮށް އިއުލާނުކުރުމަކާ ނުލައި އެ ކަމަކަށް އެކަށީގެންވާ ފަރާތްތަކެއްގެ ތެރެއިން ޕްރީ ކޮލިފައި ކުރެވޭ ވަކި ބަޔަކަށް ނުވަތަ ވަކި ފަރާތްތަކަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ސީދާގޮތެއްގައި ދީގެން އެ އޮފީހަކަށް ބޭނުންވާ ތަކެތި ގަތުމާއި، ކުރުވަން ބޭނުންވާ މަސައްކަތް ކުރުވުމާއި، ހޯދަން ބޭނުންވާ ހިދުމަތް ހޯދުމެވެ.

(ށ) ރެސްޓްރިކްޓެޑް ޓެންޑަރިންގގެ މަގުސަދަކީ މި ގަވާއިދުގެ 10.33 ވަނަ މާއްދާގެ ދަށުން އާންމުކޮށް އިއުލާނުކުރިނަމަވެސް، އިތުރު ވާދަވެރިކަމެއް ނުވަތަ ހެޔޮއަގެއް ނުލިބޭނެކަމަށް ބެލެވޭ ހާލަތްތަކުގައި، ވާދަވެރިކަން ނުގެއްލި، އެކަށީގެންވާ އަގެއްގައި ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމެވެ.  

(ނ) ރެސްޓްރިކްޓެޑް ޓެންޑަރިންގގެ އުސޫލުން ޕްރޮކިއުމަންޓެއް ކުރިޔަށް ގެންދެވޭނީ، ތިރީގައިމިވާ ހާލަތުންކުރެ ހާލަތެއް މެދުވެރިވެގެންނެވެ.

  1. ހޯދަން ބޭނުންވާ ތަކެތި ލިބެންހުރީ، ނުވަތަ ކުރަން ބޭނުންވާ މަސައްކަތެއް ކުރެވެންއޮތީ މަދު ނުވަތަ ވަކި ފަރާތްތަކަކުން ކަމުގައިވުން؛
  2. މި ގަވާއިދުގެ 10.21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުއްލި ހާލަތެއް މެދުވެރިވުން؛
  3. އެއްބަސްވުމެއްގެ ދަށުން ބަޔަކާ ހަވާލުކޮށްގެން ކުރަމުން ގެންދިޔަ ކަމެއް، އެއްބަސްވުމާ ހިލާފުވެގެން ނުވަތަ ގާނޫނާ ހިލާފުވުމުގެ ސަބަބުން އެ ކަމެއް އެ ފަރާތަކުން ވަކިކުރަން ޖެހިގެން އެ ކަމެއް ހުއްޓައިލުމުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ޓަކައި އެ ކަމެއް އެހެން ފަރާތަކާ ހަވާލުކޮށްގެން ކުރަންޖެހުން.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ވަކި ފަރާތްތަކަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ދޭއިރު، މި ގަވާއިދުގެ ޖަދުވަލު 1 ގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މިންގަނޑަށްވުރެ އެ ޕްރޮޖެކްޓެއްގެ އަންދާޒާ އަގު ބޮޑުނުވާނަމަ، ޓެންޑަރުގައި ބައިވެރިވުމުގެ ފުރުސަތު، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓަކަށް ނުވާ ދިވެހި ކުންފުނިތަކަށް އެކަނި ބައިވެރިވެވޭގޮތަށް ހަނިކުރެވިދާނެއެވެ.

(ބ) "ރެސްޓްރިކްޓެޑް ޓެންޑަރިންގ" ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދާނަމަ ނުވަތަ މަސައްކަތް ކުރުވާނަމަ، އެކަމަކަށް ހުއްދަ ދޭނީ، މި ގަވާއިދުގެ 10.05 ގައިވާ ގޮތުގެ މަތީންނެވެ.

 

10.19 ވަނަ މާއްދާ - "ށޮޕިންގ" އުސޫލުން ތަކެތި ގަތުން ނުވަތަ ހިދުމަތް ހޯދުން

(ހ) "ށޮޕިންގ" އުސޫލުން ތަކެތި ގަތުމަކީ ނުވަތަ ހިދުމަތް ހޯދުމަކީ ތަކެތި ނުވަތަ ހިދުމަތް ފޯރުކޮށްދޭ، މަދުވެގެން 3 (ތިނެއް) ފަރާތަކުން ކޯޓޭށަން ހޯދައި، އެ ކޯޓޭށަންތައް އަޅައިކިޔުމަށްފަހު، އޭގެ ތެރެއިން އެންމެ އެކަށީގެންވާ ރަނގަޅު ފަރާތަކުން ތަކެތި ނުވަތަ ހިދުމަތް ހޯދުމެވެ.

(ށ) "ށޮޕިންގ" ގެ މަގުސަދަކީ، ދައުލަތަށް ފައިދާހުރި ގޮތެއްގެ މަތީން، އެކަށީގެންވާ ހެޔޮ އަގެއްގައި އެ ކަމެއް އަވަހަށް ކުރުމެވެ.

(ނ) "ށޮޕިންގ" ގެ އުސޫލުން ކޯޓޭށަން ހޯދައިގެން ޕްރޮކިއުމަންޓުގެ ކަމެއް ކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ރ) ތަކެތި ނުވަތަ ހިދުމަތް ހޯދުމުގައި އާންމުކޮށް އިއުލާނުކޮށްގެން ހޯދަން ނުޖެހޭ ފަދަ ހާލަތްތަކުގައި އެފަދަ ތަކެތި ނުވަތަ އެ ފަދަ ހިދުމަތް ދައުލަތުގެ އޮފީހަކުން ނުވަތަ ދައުލަތުގެ ކޮންޓްރޯލް އޮންނަ ތަނަކުން ހޯދިދާނެވެ. މިގޮތުން އެފަދަ ތަކެތި ނުވަތަ އެފަދަ ހިދުމަތް ހޯދާއިރު އެ ވަގުތަކު ބާޒާރުގައި އެފަދަ ތަކެތި ނުވަތަ އެފަދަ ހިދުމަތް ލިބެންހުރި އަގަށްވުރެ ބޮޑުނޫންކަން ޔަގީންކުރަންވާނެއެވެ.

(ބ) "ށޮޕިންގ" ގެ އުސޫލުން މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކޯޓޭށަން ހޯދާއިރު ފުރަތަމަ ފަހަރު، މަދުވެގެން 3 (ތިނެއް) ފަރާތަކުން ކޯޓޭށަން ލިބިފައިނުވާނަމަ، ދެވަނަފަހަރަށް ކޯޓޭށަން ހޯދާއިރު ލިބިފައިވަނީ އެއްފަރާތަކުން ކަމުގައި ވިޔަސް، އެ ފަރާތަކީ ށަރުތުތައް ފުރިހަމަވާ ފަރާތަކަށް ވެފައި، އެ ފަރާތުން ހުށަހަޅައިފައިވާ އަގަކީ އެކަށީގެންވާ އަގެއް ކަމުގައި ވާނަމަ، އެ ފަރާތަކާ ތަކެތި ހޯދުމަށް ނުވަތަ މަސައްކަތް ހަވާލުކުރެވިދާނެއެވެ.

(ޅ) ދެވަނަ ފަހަރަށް ކޯޓޭށަން ހޯދަންޖެހޭ ހާލަތުގައި، ފުރަތަމަ ފަހަރު ހޯދައިފައިވާ ކޯޓޭށަންތަކުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަނުވާ ކޯޓޭށަން ހުށަހަޅައިފައިވާ ފަރާތަކުން އަލުން ކޯޓޭށަން ހޯދުމަކާ ނުލައި، ފުރަތަމަ ހުށަހަޅައިފައިވާ ކޯޓޭށަން ބޭނުންކުރެވިދާނެއެވެ.

 

10.20 ވަނަ މާއްދާ -"ސިންގަލް ސޯސް ޕްރޮކިއުމަންޓް"ގެ އުސޫލުން ތަކެތި ގަތުން ނުވަތަ ހިދުމަތް ހޯދުން

(ހ) "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އަކީ ވާދަވެރިކަމަށް ހުޅުވާނުލައި، ސީދާ ވަކި ފަރާތަކުން ތަކެތި ނުވަތަ ހިދުމަތް ހޯދުމެވެ.

(ށ) "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދުން ނުވަތަ މަސައްކަތެއް ކުރުވުމުގެ މަގުސަދަކީ ވާދަވެރި ބީލަމަކަށް ވަގުތުނެތް ހާލަތްތަކުގައި ނުވަތަ އޭގެ އަގުގެގޮތުން ވާދަވެރި މާހައުލެއްގައި އެ ބީލަމަކަށް ތަރުހީބު ލިބިދާނެކަމަށް ނުފެންނަ ހާލަތްތަކުގައި ހޯދަން ބޭނުންވާ އެއްޗެއް ނުވަތަ ހިދުމަތެއް އެކަށީގެންވާ ގޮތެއްގައި ހޯދުން، ނުވަތަ ކުރުވަން ބޭނުންވާ މަސައްކަތެއް އެކަށީގެންވާގޮތެއްގައި ކުރުމެވެ.

(ނ) "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދުމުގައި ޕްރޮކިއުމަންޓުގެ އަގު، މި ގަވާއިދުގެ ޖަދުވަލު 1 ގެ 2 ވަނަ ނަންބަރުގައިވާ އަގަށްވުރެ ބޮޑުވާނަމަ، އެ ތަކެތި ނުވަތަ ހިދުމަތް ހޯދަންވާނީ، އެ ފަރާތެއްގެ މާލީ ގާބިލުކަމާއި ފަންނީ ގާބިލުކަން ޔަގީންކުރުމަށްފަހުގައެވެ.

(ރ) "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ހޯދޭނީ، ނުވަތަ ހިދުމަތް ހޯދޭނީ، ނުވަތަ މަސައްކަތެއް ކުރުވޭނީ، ތިރީގައިމިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެންނެވެ.

  1. ހޯދަން ބޭނުންވާ ތަކެތި ނުވަތަ ހިދުމަތް ލިބެންހުރީ، ނުވަތަ ކުރަން ބޭނުންވާ މަސައްކަތެއް ކުރެވެންހުރީ، އެންމެ ފަރާތަކުން ކަމުގައިވުން؛
  2. މި ގަވާއިދުގެ 10.21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުއްލި ހާލަތެއް މެދުވެރިވުން؛
  3. ހޯދައިފައިވާ އެއްޗެއް ނުވަތަ ހިދުމަތެއް ނުވަތަ ކޮށްފައިވާ މަސައްކަތެއްގެ ފެންވަރު (ސްޓޭންޑަޑް) ހިފެހެއްޓުމަށް ނުވަތަ ގުޅުން (ކޮމްޕެޓިބިލިޓީ) ދެމެހެއްޓުމަށް ނުވަތަ މެދުނުކެނޑި ކުރިޔަށް ގެންދިޔުމަށް (ކޮންޓިނިއުޓީ)، އެފަދަ ތަކެތި ނުވަތަ އެފަދަ ހިދުމަތް ހޯދައިފައިވާ ފަރާތުން ނުވަތަ އެފަދަ މަސައްކަތް ކޮށްފައިވާ ފަރާތުން އެފަދަ އެއްޗެއް ނުވަތަ އެފަދަ ހިދުމަތެއް ހޯދުމަށް ނުވަތަ އެފަދަ މަސައްކަތެއް ކުރުވުމަށް؛
  4. ކުރިން ކުރެވިފައިވާ ކޮންޓްރެކްޓެއްގެ ދަށުން އިތުރަށް ތަކެތި ގަންނަން ނުވަތަ ހިދުމަތެއް ހޯދަން ނުވަތަ މަސައްކަތެއް ކުރަން ޖެހިއްޖެ ހިނދެއްގައި، ބީލަމަށް ހުޅުވައިލުމުން، ވާދަވެރިކަމެއް ނުވަތަ އިތުރު ފައިދާއެއް ލިބިދާނެކަމަށް ނުފެންނަ ކަންތައްތައް ކުރުމަށް؛
  5. ބައިނަލްއަގުވާމީ ފޯރަމްތަކުގައި ދައުލަތުގެ ފަރާތުން ކުރިޔަށްގެންދާ ނުވަތަ ދައުލަތުގެ މައްޗަށް ހުށަހެޅޭ މައްސަލަތަކާއި، ދައުލަތް ހިމެނޭ އާބިޓްރޭށަން ފަދަ ކަންކަމުގައި، ދައުލަތުގެ ފަރާތުން އައްޔަނު ކުރަންޖެހޭ ގާނޫނީ ވަކީލުން (ލީގަލް ކައުންސެލް)، އަދި/ނުވަތަ ހަބީރުން (އެކްސްޕާޓް) ހޯދުމުގައި، ސިއްރު ހިފެހެއްޓުން ލާޒިމުވާ ނުވަތަ އެ ކަމެއްގެ ބާވަތުން ވަކި ބަޔަކު ނުވަތަ ވަކި ހާއްސަ ފަރާތެއް ކަނޑައެޅުން މުހިންމުވާ ހާލަތްތަކުގައި، އެފަދަ ފަރާތެއް އައްޔަނު ކުރުމަށް؛
  6. ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިވެދާނެކަމަށް، ގާނޫނު ނަންބަރު 2008-01 (ސިފައިންގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ގައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމުން. މި ހާލަތުގައި އަމަލުކުރަންވާނީ، އަންނަނިވި ފަދައިންނެވެ.
    6.1 އެފަދަ ހާލަތެއްގައި ސަރުކާރުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ބޮޑު މެޖޯރިޓީ ހިއްސާއެއް އޮންނަ ކުންފުނިތަކާއި، ނުވަތަ ދިފާއީ ސަލާމަތާބެހޭ ވުޒާރާއާއި، ދާހިލީ ސަލާމަތާބެހޭ ވުޒާރާގެ ދާއިރާގެ ތެރެއިން އުފައްދައިފައިވާ ކޯޕަރޭޓިވް ސޮސައިޓީތަކަށް މަސައްކަތް ހަވާލުކުރެވިދާނެއެވެ.
    6.2 މި ގަވާއިދުގެ 10.20 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހަވާލުކުރާ ކަމެއް، އެހެން ފަރާތަކަށް ސަބްކޮންޓްރެކްޓެއް ނުކުރެވޭނެއެވެ.
    6.3 މި މާއްދާގެ ދަށުން ހަވާލުކުރެވޭ ޕްރޮކިއުމަންޓާ ގުޅޭ މައުލޫމާތު، އެ މަސައްކަތެއް ހަވާލުކުރާތާ 2 (ދޭއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.

(ބ)

  1. "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދާނަމަ، ނުވަތަ މަސައްކަތް ކުރުވާނަމަ، އެ ކަމަކަށް ހުއްދަ ދޭނީ، މި ބާބުގެ 10.05 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.
  2. މި މާއްދާގެ (ރ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި ހުއްދަ ދޭނީ، ގާނޫނު ނަންބަރު 2008-01 (ސިފައިންގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ގައުމީ ސަލާމަތާބެހޭ މަޖިލީހުންނެވެ.

(ޅ) "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދާނަމަ، ނުވަތަ މަސައްކަތް ކުރުވާނަމަ، އެ ކަމެއް ކުރިޔަށް ގެންދަން ނިންމި ގޮތާއި، އެކަމުގެ ސަބަބާއި، އެކަމުގެ ތަފުސީލު، ލިޔުމުން އެނގެން އޮންނަންވާނެއެވެ.

 

10.21 ވަނަ މާއްދާ - ކުއްލި ނުރައްކަލުގެ ހާލަތުގައި ނުވަތަ ކުއްލި ހާލަތްތަކުގައި ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދިޔުން

(ހ) މި ގަވާއިދުގެ ދަށުން ކުއްލި ހާލަތެއް މެދުވެރިވިކަމުގައި ބެލެވޭނީ، ތިރީގައިވާ ހާލަތްތަކުގައެވެ.

  1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުންނާއި، ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުންނާއި، ގާނޫނު ނަންބަރު 2015-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކާރިސާގެ ހާލަތު އިއުލާނުކުރުމުން؛
  2. އިންސާނެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާފަދަ ނުވަތަ ދިމާވާ ހާދިސާއަކާ ގުޅިގެން، ބައެއްގެ ދިރިއުޅުމުގެ ފެންވަރަށް ނުވަތަ ތިމާވެށްޓަށް ނުރައްކައުތެރިކަމެއް ކުރިމަތިވުން؛
  3. ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ރައްޔިތުންނަށް އަސާސީ ހިދުމަތެއް ދިނުމަށް ހިންގާ ޕްރޮގްރާމްތަކުގެ ޕްރޮކިއުމަންޓުގެ ކަންތައްތައް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް އާންމުކޮށް އިއުލާނުކޮށްގެން ކުރިޔަށް ގެންދިއުމަށް ވަގުތު ނެތުމުގެ ސަބަބުން، އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ކުރަންޖެހޭ ހަރަދެއް ނުކުރެވިއްޖެނަމަ، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތެއް ނުދެވި ލަސްކުރެވެން ނެތް ހާލަތްތަކުގައި؛
  4. ދައުލަތުގެ މުދަލާއި ތަކެތި ނުވަތަ އިމާރާތްތަކާއި އާންމު ބޭނުންތަކަށް ހެދިފައިވާ ތަންތަނާއި ތަކެއްޗަށް ނުރައްކައުތެރިވެއްޖެ ހިނދެއްގައި، އެ ކަމެއް ރަނގަޅުކުރުމާއި ދެމެހެއްޓުމަށް ނުވަތަ އޭގެ ފެންވަރު ކުރިން ހުރިގޮތަށް ގެނައުމަށް ޓަކައި ވަގުތުން ފިޔަވަޅުއަޅަން ޖެހުން؛
  5. ހޯދަން ބޭނުންވެފައިވާ ކުދިކުދި ތަކެތި ނުލިބުމުގެ ސަބަބުން ސަރުކާރުން ކުރިޔަށްގެންދާ އަސާސީ ހިދުމަތަކާ ގުޅުންހުރި ޕްރޮޖެކްޓެއް ނުވަތަ ދެމުންދާ އަސާސީ ހިދުމަތަކާ ގުޅުންހުރި މަސައްކަތެއް އެކަށީގެންވާވަރަށްވުރެ ލަސްވާނަމަ، އެ ތަކެތި ހޯދުމަށް؛
  6. ގައުމުގެ ދިފާއަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ހާލަތެއް މެދުވެރިވެގެން ނުވަތަ ގުދުރަތީ ކާރިސާއެއް ދިމާވެގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް.

(ށ) ދައުލަތުގެ އިމާރާތްތަކުގެ އާންމު މަރާމާތުގެ މަސައްކަތްތަކާއި މުދާ ބެލެހެއްޓުމުގެ މަސައްކަތްތައް މި މާއްދާގެ ދަށުން ކުރިޔަށް ގެންދެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވުމުން، އެ މިންވަރަށެވެ.

(ނ) ކުއްލި ހާލަތެއް މެދުވެރިވެގެން ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމުގައި، މި ގަވާއިދުގައިވާ ގޮތުގެ މަތީން ކުރުމަށް ދަތިވާ ހާލަތްތަކުގައި ވެސް އެ ކަމެއް ކުރަންވާނީ، ތިރީގައިމިވާ ގޮތުގެ މަތީންނެވެ.

  1. އެ ކޮންޓްރެކްޓެއް ހަވާލުކުރުމުގެ ކުރިން އެ ކަމަކަށް ހުއްދަ ހޯދަންޖެހޭ ފަރާތެއްގެ ހުއްދަ ހޯދައިގެން؛
  2. އެ ހާލަތެއްގައި ލިބެން އޮތް އެންމެބޮޑު ވާދަވެރިކަމެއް ހޯދައިގެން؛
  3. ހޯދަން ބޭނުންވާ އެއްޗެއްގެ އަދަދު ނުވަތަ ކުރަން ބޭނުންވާ މަސައްކަތް އެ ވަގުތަކު ދިމާވެފައިވާ ކުއްލި ހާލަތުގައި ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ އިތުރުނުވުން.

(ރ) ޕްރޮކިއުމަންޓުގެ ކަންތައްތައް ކުއްލި ހާލަތެއްގައި ކުރިޔަށް ގެންދާނަމަ، އެކަމެއް ކުރިޔަށްގެންދަން ނިންމި ގޮތާއި، އެ ކަމުގެ ސަބަބާއި، ކުއްލި ހާލަތެއް މެދުވެރިވިގޮތުގެ ތަފުސީލު، ލިޔުމުން އެނގެން އޮންނަންވާނެއެވެ.

 

10.22 ވަނަ މާއްދާ - ބިޑްކުރުމުގެ ދައުވަތަކާ ނުލައި މަސައްކަތްތައް ހަވާލުކުރުން

(ހ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ފަރާތުން ބިޑްކުރުމަކާ ނުލައި މަސައްކަތެއް ހަވާލުކުރެވޭނީ، ތިރީގައިވާ އުސޫލުންނެވެ.

  1. ދައުލަތުން ކުރިޔަށްގެންދަން ކަނޑައަޅާ މަށްރޫއެއް އާންމުކޮށް ބީލަމަށް ހުޅުވައިނުލައި ސަރުކާރުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކާއި، އެ ކުންފުނިތަކުގެ މެޖޯރިޓީ ހިއްސާ އޮންނަ ސަބްސިޑިއަރީ ކުންފުނިތަކާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ސަރުކާރުގެ މެޖޯރިޓީ ހިއްސާ ހިމެނޭ ކުންފުންޏަކާ ހަވާލުކޮށްގެން ކުރެވިދާނެއެވެ.
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި، އެ މަސައްކަތް ހަވާލުކުރާ ކުންފުނި ވާންވާނީ، އެ ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ނުވަތަ މަސައްކަތްތަކުގެ ތެރޭގައި އެ މަސައްކަތް ހިމެނޭ ކުންފުންޏަކަށެވެ.
  3. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި، އެ މަސައްކަތް ހަވާލުކުރެވޭ ކުންފުނިން، އެ ކުންފުންޏާ ހަވާލުކުރާ މަސައްކަތް އެހެން ފަރާތަކާ ހަވާލުކޮށްގެން ނުވާނެއެވެ.
  4. މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން، އެ މަސައްކަތެއްގެ ބާވަތުން، ދެވަނަ ފަރާތަކާ ހަވާލުކޮށްގެން ނޫނީ ކުރިޔަށް ނުގެންދެވޭނެ ފަދަ މަސައްކަތްތައް، އެ މަސައްކަތަކަށް ހުއްދަ ދިން ފަރާތުގެ ހުއްދަ ހޯދައިގެން އެހެން ފަރާތަކާ ހަވާލުކޮށްގެން ކުރިޔަށް ގެންދެވިދާނެއެވެ. މިގޮތުން، ހަވާލުކުރެވޭ މަސައްކަތްތަކީ އިތުރު ދެވަނަ ފަރާތަކާ ހަވާލުކޮށްގެން ނޫނީ ކުރިޔަށް ގެންދެވޭނެ މަސައްކަތެއް ނޫންކަން، މަސައްކަތް ހަވާލުކުރުމަށް އެދި ހުށަހަޅާ ފަރާތުންނާއި، މަސައްކަތަށް ހުއްދަދޭ ފަރާތުން ކަށަވަރުކުރަން ވާނެއެވެ.
  5. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގެ ދަށުން މަސައްކަތް ހަވާލުކުރެވޭ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން ގާބިލު ފަރާތެއްކަން ކަށަވަރު ކުރަން ވާނެއެވެ.
  6. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި، މަސައްކަތް ހަވާލުކުރާނޭ ފަރާތެއް ކަނޑައަޅަންވާނީ، މަސައްކަތުގެ ބާވަތާއި، މަސައްކަތުގެ އަގާއި، މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭގޮތަށް އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ، މި މާއްދާގެ ދަށުން އެ ފަރާތަކަށް ބީލަން ހަވާލުކުރަން ނިންމި ސަބަބު ބަޔާންކޮށް، މިނިސްޓަރަށް އެ މައުލޫމާތު ހުށަހަޅައި، މިނިސްޓަރުގެ ލަފާގެ މަތީން، މި ގަވާއިދުގެ 10.05 ވަނަ މާއްދާގެ ދަށުން ހުއްދަ ހޯދައިގެންނެވެ.

(ށ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި، މި ގަވާއިދުގެ 10.05 ވަނަ މާއްދާގެ ދަށުން ހުއްދަ ހޯދުމަށްފަހު، އެފަދަ ފަރާތަކާ ހަވާލުކޮށްގެން އެ މަސައްކަތެއް ކުރިޔަށް ގެންދެވިދާނެއެވެ.

  1. ބޭރުގެ ގައުމެއްގެ ހިލޭ އެހީގެ ދަށުން ނުވަތަ ލޯނެއްގެ ދަށުން ހިންގާ މަށްރޫއުތަކުގައި، އެ މަށްރޫއުގެ ހިލޭ އެހީގެ އެއްބަސްވުމުގައި ނުވަތަ ލޯނު އެއްބަސްވުމުގައި، އެ އެހީ ނުވަތަ އެ ލޯނު ދޭ ފަރާތަކުން، އެ މަށްރޫއުގެ މަސައްކަތްތައް ވަކި ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ހުޅުވައިލައިގެން ކުރިޔަށް ގެންދިޔުމަށް ށަރުތުކޮށްފައިވުން؛
  2. ބޭރު ގައުމަކުން ނުވަތަ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ ޖަމްއިއްޔާއަކުން ދޭ ގްރާންޓެއްގެ ދަށުން ނުވަތަ ލޯނެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކަށް ހަރަދުކޮށްގެން ރާއްޖޭގައި ހިންގާ މަށްރޫއެއް ހިންގަން ފެށުމުގެ ކުރިން، އެ ގައުމެއްގެ އެދުމުގެ މަތީން ނުވަތަ ޖަމްއިއްޔާއެއްގެ އެދުމުގެ މަތީން ވަކި ބަޔަކާ ހަވާލުކޮށްގެން ފީޒިލިބިލިޓީ ސްޓަޑީއެއް ހެދުމަށް ނުވަތަ ދިރާސާއެއް ކުރުމުގެ މަސައްކަތެއް ފަދަ ކަމެއް ކުރުމަށް؛
  3. ތަކެތި ނުވަތަ ހިދުމަތެއް ހޯދަން ބޭނުންވާ މިންވަރުގެގޮތުން ނުވަތަ ބާވަތުގެގޮތުން އެކަން ކުރަން އެންމެ އެކަށީގެންވަނީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ ޖަމްއިއްޔާއަކާ ހަވާލުކޮށްގެންކަމަށް ފެނުން.

(ނ) އަންސޮލިސިޓެޑް ޕްރޮޕޯޒަލެއް ސަރުކާރަށް ހުށަހެޅޭ ހާލަތުގައި، އެ ހުށަހެޅުމަކާމެދު ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން އެ މަށްރޫއެއް ކުރިޔަށް ގެންދިއުމަށް ނިންމިދާނެއެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގެ ދަށުން މަސައްކަތެއް ކުރިޔަށްގެންދާ ހާލަތުގައި، އެ މަށްރޫއެއް ކުރިޔަށް ގެންދިޔުމަށް ހަވާލުކުރެވޭ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަށްރޫއެއް ކުރިޔަށް ގެންދިޔުމަށް އެކަށީގެންވާ ގާބިލު ފަރާތެއްކަމާއި، މަށްރޫއު ކުރިޔަށްގެންދާ އަގަކީ ދައުލަތަށް ފައިދާހުރި ހަމަ އަގެއްކަން މަސައްކަތް ހަވާލުކުރާ ފަރާތުން ކަށަވަރުކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "ވަޒީރުންގެ މަޖިލީހުގެ ކޮމިޓީ" އަކީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތު އޮންނަ ގޮތެއްގެ މަތީން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލާ ކޮމިޓީތަކެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކޮމިޓީން ނިންމުމުގައި ވޯޓުގައި ބައިވެރިވާންވާނީ، ކޮމިޓީގައި ހިމެނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނެވެ.

 

10.23 ވަނަ މާއްދާ - ޕްރޮކިއުމަންޓުގެ ކަމެއް ކުރުމުގެ ކުރިން ކުރަންޖެހޭ ކަންތައްތައް

(ހ) ޕްރޮކިއުމަންޓުގެ ކަމެއް ކުރަން ފެށުމުގެ ކުރިން އެ ކަމަކަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ތަފުސީލުކޮށް ލިޔުމުން އެނގެން އޮންނާނެގޮތަށް ތައްޔާރުކުރަންވާނެއެވެ. މިގޮތުން ތަކެތި ގަންނަނަމަ، ގަންނަން ބޭނުންވާ ތަކެތީގެ އަދަދާއި ތަފުސީލާއި އަންދާޒާ އަގު، މަސައްކަތެއްނަމަ ބީ.އޯ.ކިޔު (ބިލް އޮފް ކުއަންޓިޓީ) އާއި، ކުރެހުމާއި، ސްޕެސިފިކޭށަނާއި، އަންދާޒާ އަގު، ހިދުމަތެއްނަމަ އެ ހިދުމަތަކާ ގުޅޭ އެންމެހައި މައުލޫމާތާއި އަންދާޒާ އަގު ލިޔެވިފައި އޮންނަންވާނެއެވެ.

(ށ) ޕްރޮކިއުމަންޓުގެ ކަމެއް ކުރަންވާނީ ތިރީގައިމިވާ ކަންތައްތައް ހަމަޖެހިގެންނެވެ.

  1. އެ ކަމަކަށް ބޭނުންވާ ފައިސާ ލިބި ހަރަދުކުރެވޭގޮތަށް ހުރެގެން؛ 
  2. އެ ކަމެއް ކުރަން ފެށުމަށް ބޭނުންވާ ހުއްދަ ލިބުމުން.

 

10.24 ވަނަ މާއްދާ - ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ރޭވުން

ދައުލަތުގެ އޮފީސްތަކުން ޕްރޮކިއުމަންޓުގެ ކަންތައްތައް ގެންދާނޭ ރަނގަޅު އުސޫލުތަކެއް ކުރިޔަށް ރާވައި އިންތިޒާމު ކުރަންވާނެއެވެ. އެގޮތުން ކުރިޔަށް ރޭވުމުގައި ތިރީގައިމިވާ ކަންތައްތަކަށް ސަމާލުކަން ދޭންވާނެއެވެ.

(ހ) ވަކިގޮތަކަށް ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމުގެ ގޮތުން ޕްރޮކިއުމަންޓުގެ ވާދަވެރިކަން ގެއްލޭގޮތަށް އެއްކަމެއްގެ ގޮތުގައި ބެލޭ ކަންތައްތައް ވަކިވަކި ނުކުރުން.

(ށ) ޕްރޮކިއުމަންޓުގެ ކަމަކަށް ހިނގާނޭ ހަރަދާއި އެ ކަމެއްގެ މަންފާ އެންމެ ފުރިހަމަގޮތުގައި ލިބިގަތުމަށް ޓަކައި ވަކި މުއްދަތަކަށް ޕްރޮކިއުކުރަންޖެހޭ ތަކެތި ނުވަތަ ހިދުމަތް ނުވަތަ މަސައްކަތްތައް އެއްކޮށްލުން.

(ނ) އާންމުކޮށް ބޭނުންކުރާ ނުވަތަ ވަކި ކަމަކަށް ބޭނުންވާ ތަކެތި މަރުކަޒީ އުސޫލުން ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ މައުލޫމާތު، މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑަޅާ ފަރާތަކަށް ފޯރުކޮށްދިނުން.

 

10.25 ވަނަ މާއްދާ - އަގުން އުނިކުރާގޮތަށް ތަކެތި ދިނުން

(ހ) ދައުލަތުގެ އޮފީސްތަކުން ކުރުވަންޖެހޭ މަސައްކަތްތައް ކުރުވުމުގައި ނުވަތަ ކޮންޓްރެކްޓްތައް ހިންގުމުގައި އެ މަސައްކަތަކަށް ނުވަތަ އެ ކަމަކަށް ބޭނުންވާ ހުރިހާ އެއްޗެއް ކޮންޓްރެކްޓަރު އަމިއްލައަށް ހޯދައިގެން ކުރެވެން ހުންނަ ހުރިހާ ކަމެއް ކުރުވަންވާނީ، ކޮންޓްރެކްޓަރުގެ އަމިއްލަ ތަކެތީގައެވެ. އެ ނޫން ކަންތައްތައް ކުރުވާނީ، އެ އޮފީހަކުން ތަކެތި ހޯދައިގެންނެވެ.

(ށ) އަގުން އުނިކުރާގޮތަށް ތަކެތި ދީގެން ކުރުވާ މަސައްކަތްތަކަށް، މަސައްކަތްކުރި ފަރާތަށް އަގު ދޭއިރު އަގު ދޭންވާނީ، އަގުން އުނިކުރާގޮތަށް ދެވުނު ތަކެތީގެ އަގު އުނިކުރުމަށްފަހުގައެވެ.

 

10.26 ވަނަ މާއްދާ - އާންމުކޮށް ބީލަމަށް ހުޅުވައިލުން

(ހ) ޕްރޮކިއުމަންޓުގެ އަންދާޒާ އަގު، މި ގަވާއިދުގެ ޖަދުވަލު 1 ގެ 1 ވަނަ ނަންބަރުގައިވާ ތާވަލުގެ ތެރެއިން ދަރަޖަ 3 އާއި ދަރަޖަ 4 އަށް ފެތޭ ޕްރޮކިޔުމަންޓުތައް އާންމުކޮށް އިއުލާނު ކުރަންވާނެއެވެ. އަދި ބީލަމަށް ހުޅުވައިލުމުގައި، ބީލަންވެރިންނަށް ހަމަހަމަ ފުރުސަތު ދިނުމުގެ ގޮތުން، މި ބާބުގެ 10.33 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އާންމުކޮށް އިއުލާނުކޮށް ށާއިއު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ށާއިއުކޮށްފައިވާ އިއުލާނަކާ ގުޅިގެން ބިޑު ހުށަހަޅައިފައިވަނީ އެންމެ ފަރާތަކުން ކަމުގައި ވިޔަސް، އެ ބިޑަކީ އެ ބީލަމަކަށް ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވާ އަދި ހުށަހަޅައިފައިވާ އަގަކީ އެކަށީގެންވާ އަގެއް ކަމުގައި ވާނަމަ، އެ ފަރާތަކަށް އެ ކަމެއް ހަވާލުކުރެވިދާނެއެވެ.

(ނ) އާންމުކޮށް އިއުލާނުކޮށްގެން ކުރިޔަށްގެންދާ ބީލަންތަކުގައި، އެންމެ ފުރަތަމަ ކުރާ އިއުލާނާ ގުޅިގެން ހުށަހަޅާ ބިޑުތަކުގެ ތެރޭގައި އެ ބީލަމަކަށް ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވާ ބިޑެއް ނެތްނަމަ، ނުވަތަ އެއްވެސް ފަރާތަކުން ބިޑު ހުށަހަޅައިފައި ނުވާނަމަ، ދެވަނަ ފަހަރަށް އިއުލާނު ކުރަން ވާނެއެވެ. މިގޮތުން، ދެވަނަފަހަރަށް އިއުލާނު ކުރުމުން ވެސް، އެ ބީލަމަކަށް ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވާ ބިޑެއް ނެތްނަމަ، ނުވަތަ އެއްވެސް ފަރާތަކުން ބިޑު ހުށަހަޅައިފައި ނުވާނަމަ، އެ ކަމަށް ށަރުތުހަމަވާނޭ ގާބިލު ފަރާތަކާ ނުވަތަ ފަރާތްތަކަކާ ވާހަކަދައްކައިގެން އެކަށީގެންވާ އަގެއްގައި، މި ގަވާއިދުގެ ދަށުން ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ހުއްދަ ހޯދުމަށްފަހު، އެ ކަމެއް ހަވާލުކުރެވިދާނެއެވެ.

(ރ) މި ގަވާއިދުގައި ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދާނެ ވަކިގޮތެއް ބަޔާންކޮށްފައިނުވާ ހިނދެއްގައި، ތަކެތި ގަނެ، މަސައްކަތް ކުރުވައި، ހިދުމަތް ހޯދަންވާނީ، އާންމުކޮށް އިއުލާނުކޮށް ށާއިއުކޮށްގެން، އާންމު ބީލަމަކަށް ހުޅުވައިލައިގެންނެވެ.

 

10.27 ވަނަ މާއްދާ - މުއާމަލާތުކުރުމާއި، މައުލޫމާތުދިނުން

(ހ) ދައުލަތުގެ އޮފީސްތަކުން ޓެންޑަރަރއަކާ (ބީލަންވެރިޔަކާ) ނުވަތަ ސަޕްލަޔަރަކާ މުއާމަލާތުކުރަންވާނީ ލިޔުމުންނެވެ. މިނޫން ގޮތަކަށް ކުރެވޭ މުއާމަލާތު ވެސް ލިޔެކިޔުމުން ފެންނަން ހުންނަންވާނެއެވެ. ލިޔެކިޔުމުންކަމަށް ބަޔާންކޮށްފައި އެވަނީ، ކޮށްފައިވާ މުއާމަލާތެއްގެ ހުރިހާ މައުލޫމާތެއް ފެންނަން ހުންނާނެ ކޮންމެ ގޮތެކެވެ.

(ށ) އިލެކްޓްރޯނިކް ޓެންޑަރިންގ ނުވަތަ ޓެކްނޮލޮޖީގެގޮތުން ކުރިއަރައިފައިވާ ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބީލަންކުރުމުގައި ބޭނުންކުރަންވާނީ، ޕްރޮކިއުމަންޓުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާއި، ޕްރޮކިއުމަންޓް ޕޮލިސީ ކަނޑައަޅާ ފަރާތުން ނެރޭ ދެންނެވުމާ އެއްގޮތަށެވެ.

(ނ) ބީލަން ހުށަހެޅުމަށް މައުލޫމާތު ދޭންވާނީ، މި ގަވާއިދުގެ 10.32 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ލިޔުމުންނެވެ. މި ލިޔުމުގައި އެ ކަމެއްގެ ތަފުސީލުގެ އިތުރުން، އެ ކަމެއް ކުރުވާނެ ފަރާތެއް ހޮވުމުގައި ބަލާނެ ގޮތްތައް ބަޔާންކުރަންވާނެއެވެ.

 

10.28 ވަނަ މާއްދާ - ބީލަން ހުށަހަޅާ ފަރާތްތަކުގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތާއި، އެ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް

(ހ) ދައުލަތުގެ ޕްރޮކިއުމަންޓުގައި ބައިވެރިވުމަށް، ބީލަން ހުށަހަޅާ ފަރާތްތަކުގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތް ތިރީގައި މިވަނީއެވެ.

  1. ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމަށް ހަދައިފައިވާ އެންމެހައި އެސޫލުތަކާ އެއްގޮތަށް އަމަލުކުރުން؛
  2. ދެފަރާތުގެ ދެމެދުގައި ހެދޭ ކޮންޓްރެކްޓާ ނުވަތަ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރުމާއި، ކޮންޓްރެކްޓާބެހޭ އެހެނިހެން ލިޔުންތަކުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް ފުރިހަމަކުރުން؛
  3. މިނިސްޓްރީން އެކުލަވައިލާ ޕްރޮކިއުމަންޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ބީލަންވެރިންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުކުރުން.

(ށ) ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ މައިގަނޑު ށަރުތުތައް، ތިރީގައި މިވަނީއެވެ.

  1. ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ގާނޫނީ ހައިސިއްޔަތު، ބީލަންވެރިޔާއަށް ލިބިފައި އޮތުން؛
  2. މި ގަވާއިދުގެ 11 ވަނަ ބާބުގައިވާ ގޮތުގެ މަތީން ސަސްޕެންށަނެއް ހިނގަމުންދާ ފަރާތެއް ކަމުގައި ނުވުން؛
  3. އެ މަސައްކަތެއްގެ ބާވަތާއި، ކުޑަބޮޑުމިނަށް ބަލައި، އެ މަސައްކަތް ހަވާލުކުރާ އޮފީހަކުން ކަނޑައަޅާ އިތުރު ށަރުތުތައް ހަމަވާ ފަރާތެއް ކަމުގައި ވުން.

 

10.29 ވަނަ މާއްދާ - ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ގާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ބެލުން

(ހ) ބީލަމަކަށް ހުޅުވައިލެވޭ ޕްރޮޖެކްޓެއްގެ މަސައްކަތް ހަވާލުކުރެވޭ ފަރާތަކީ، އެ ކަމެއް ކުރުމުގެ ގާބިލުކަމާއި އެ ކަމެއް އެންމެ އެދެވޭގޮތުގައި ކުރުމުގެ ވަސީލަތްތައް ލިބިފައިވާ ފަރާތެއްތޯ ބެލުމުގެ ގޮތުން، އެ ބީލަމަކަށް އެކަށީގެންވާގޮތަށް ބީލަމުގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަންޖެހޭ ހުނަރުވެރިކަމާއި، ގާބިލުކަމާއި، ފެންވަރު ބަލާނޭ ކްރައިޓީރިއާއެއް، ބީލަންކުރާ ފަރާތުން ކަނޑައަޅަންވާނެއެވެ.

(ށ) ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ހުނަރުވެރިކަމާއި ގާބިލުކަމާއި ފެންވަރު ބަލާނޭ ކްރައިޓީރިއާ، ބީލަމުގެ މައުލޫމާތުދޭ ކަރުދާހުގައި ނުވަތަ އިއުލާނުގައި ނުވަތަ ޕްރީ-ކޮލިފިކޭށަން ޑޮކިއުމަންޓުގައި ނުވަތަ އެ ބީލަމަކާބެހޭ ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. މިގޮތުން ފެންވަރު ބެލުމުގެ ކްރައިޓީރިއާ ތައްޔާރުކުރުމުގައި ތިރީގައިމިވާ ބައިތައް ހިމެނިދާނެއެވެ.

  1. ފަންނީގޮތުން ގާބިލުކަންހުރި މިންވަރު؛ 
  2. މާލީ ވަސީލަތްތަކާއި، ގާބިލުކަމާއި، ހާލަތު؛
  3. އިކުއިޕްމަންޓާއި އެހެނިހެން އެސެޓްސްގެގޮތުގައި ހުރި ވަސީލަތްތަކާއި އެ ތެކެތީގެ ހާލަތު؛
  4. މުވައްޒަފުންނާއި، ހިންގުމުގެ ފެންވަރު؛
  5. ކުރިން ކޮށްފައިވާ ގުޅުންހުރި އެހެން ޕްރޮޖެކްޓްތަކުގެ ރިކޯޑު؛
  6. މިހާރު ކުރަމުންދާ މަސައްކަތްތަކާއި، އެ ފަރާތެއްގައި ހުރި ގާބިލުކަމާއި ހުނަރާއި، އެ ކަމަކަށް ބޭނުންވާ ވަސީލަތްތައް ހުރިނަމަ އެކަން؛
  7. ށަރުއީ ކޯޓެއްގައި ހިނގަމުންދާ ނުވަތަ ހިނގައިފައިވާ މައްސަލައެއް އޮތްނަމަ އެ ކަމެއް؛
  8. ރާއްޖޭގައި ރަޖިސްޓަރީކޮށް، ހޯދަންޖެހޭ ލައިސަންސް ހޯދައިފައިވާ ފަރާތެއްނަމަ އެކަން، ނުވަތަ ބީލަމުގައި ބައިވެރިވާ ފަރާތަކީ އެ ފަރާތެއް ނިސްބަތްވާ އަމިއްލަ ގައުމުގައި ރަޖިސްޓަރީވެފައިވާ ފަރާތެއްނަމަ އެކަން.

(ނ) ބީލަމަށް ހުޅުވައިލެވޭ އިއުލާނުގައި ނުވަތަ ޕްރީ-ކޮލިފިކޭށަން ޑޮކިއުމަންޓުގައި ނުވަތަ މައުލޫމާތުދޭ ކަރުދާހުގައި ނުވަތަ އެ ބީލަމަކާ ބެހޭ ބިޑް ޑޮކިއުމަންޓުގައި، ބީލަމުގައި ބައިވެރިވެވޭ ފަރާތްތަކުގެ ފެންވަރު ބަޔާންކޮށްފައި އޮތުމާއެކު، އެ ފަރާތުގެ ފެންވަރު ދެނެގަތުމުގެގޮތުން ހުށަހަޅަންޖެހޭނޭ ލިޔުންތަކާއި އެހެނިހެން މައުލޫމާތުތައް ބަޔާންކުރަންވާނެއެވެ.

(ރ) ދައުލަތުގެ އޮފީހަކުން ހުޅުވައިލާ ބީލަމެއްގައި ބައިވެރިވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ފެންވަރު ބެލުމުގައި، މި ގަވާއިދުގެ 10.35 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހޮވޭ ފަރާތްތަކަކީ ކޮންޓްރެކްޓް ހަވާލުކުރަން އެކަށީގެންވާ ގާބިލު ފަރާތްތަކެއް ކަމުގައި ޕްރީ-ކޮލިފައި ކުރެވިދާނެއެވެ.

(ބ) ހިދުމަތް ހޯދުމަށް ބީލަމަށް ހުޅުވައިލެވޭ ޕްރޮޖެކްޓުތަކުގައި ބައިވެރިވާ ފަރާތްތަކުގެ ފެންވަރު ބެލުމަށް، މި ގަވާއިދުގެ 10.17 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ށޯޓްލިސްޓްކުރުމުގެ މަރުހަލާއެއް ކުރިޔަށް ގެންދެވިދާނެއެވެ. މިގޮތުން ށޯޓްލިސްޓްކުރަންވާނީ، ބީލަމުގައި ބައިވެރިވުމުގެ ށައުގުވެރިކަން ހާމަކުރުމަށް އެދި ކުރެވޭ އިއުލާނުގައި ނުވަތަ މައުލޫމާތުދޭ ކަރުދާހުގައި ނުވަތަ ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ މައުލޫމާތާ އެއްގޮތަށެވެ.

 

10.30 ވަނަ މާއްދާ - ބީލަމުގައި ބައިވެރިވާ ފަރާތްތައް (ބީލަންވެރިން) ރަޖިސްޓަރީކުރުން

(ހ) ދައުލަތުގެ އޮފީސްތަކުން ހުޅުވައިލާ ބީލަންތަކުގައި ބައިވެރިވެވޭނެ ފަރާތްތައް ނުވަތަ ބީލަންވެރިން ރަޖިސްޓަރީކޮށް، މަރުކަޒީ އުސޫލުން އެ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން ގެންދިޔުމަށް ނުވަތަ ދައުލަތުގެ ވަކި އޮފީސްތަކަކުން ކުރަމުން ގެންދިޔުމަށް މިނިސްޓަރަށް ނިންމިދާނެއެވެ.

(ށ) ސަޕްލަޔަރުން ރަޖިސްޓަރީކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިލައިފައި އޮންނަންވާނެއެވެ. އަދި ރަޖިސްޓަރީކުރުމަށް އެދޭ ސަޕްލަޔަރުން، އެކަށީގެންވާ ކުރު މުއްދަތެއްގެ ތެރޭގައި ރަޖިސްޓަރީކުރެވެންވާނެއެވެ.

(ނ) ރަޖިސްޓަރީކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ދައުލަތުގެ އޮފީހަކުން، ތިރީގައިމިވާ މައުލޫމާތު އާންމުކޮށް ށާއިއު ކުރަންވާނެއެވެ.

  1. ސަޕްލަޔަރުން ރަޖިސްޓަރީކުރުމާއި، އެ ފަރާތްތަކާބެހޭ މައުލޫމާތު ބެލެހެއްޓޭ ފަދަ ސިސްޓަމެއް ގާއިމުކޮށްފައިވާކަމާއި، ރަޖިސްޓަރީކުރާކަން؛
  2. ރަޖިސްޓަރީކުރުމުގެ އުސޫލުތަކާއި، ރަޖިސްޓަރީކުރުމަށް ހުށަހަޅަންޖެހޭ މައުލޫމާތު؛
  3. ރަޖިސްޓަރީކުރަން އެދޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތަކާއި، ރަޖިސްޓަރީކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް؛
  4. ރަޖިސްޓަރީކޮށްދެވޭނެ މުއްދަތާއި، ރަޖިސްޓަރީ އިތުރަށް ފުރިހަމަކުރުމަށް އިތުރު މައުލޫމާތު ބޭނުންވާނަމަ އެ ކަމެއް.

 

10.31 ވަނަ މާއްދާ - ޕްރޮކިއުކުރުމުގައި ބޭނުންވާ ކަންތައްތައް ލިޔުމުން ބަޔާންކުރުން (ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓް)

(ހ) ޕްރޮކިއު ކުރުމުގައި، ގަންނަން ބޭނުންވާ ތަކެތި، ނުވަތަ ކުރަން ބޭނުންވާ މަސައްކަތް، ނުވަތަ ހޯދަން ބޭނުންވާ ހިދުމަތުގެ ފުރިހަމަ ތަފުސީލު ހިމެނޭގޮތަށް ލިޔުމެއް ތައްޔާރުކުރަންވާނެއެވެ. މިގޮތުން ލިޔުން ތައްޔާރުކުރާއިރު، ސްޕެސިފިކޭށަން، ކުރެހުން، ބިލްސް އޮފް ކުއަންޓިޓީ، ޑެލިވަރީ ނުވަތަ މަސައްކަތް ނިންމަންޖެހޭ ށެޑިއުލް، ޓަރމްސް އޮފް ރިފަރެންސް ނުވަތަ މިކަމަށް ބޭނުންވެދާނެ އެހެން އެއްވެސް މައުލޫމާތެއް އޮތްނަމަ، އެ މައުލޫމާތެއް ހިމަނަންވާނެއެވެ. 
(ށ) ޕްރޮކިއުކުރުމަށް ތައްޔާރުކުރާ ބީލަންފޮތުގައި، ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ދައުލަތުގެ އޮފީސްތަކަށް އެ ފަހަރަކަށް ޕްރޮކިއުކުރަން ބޭނުންވާ އެއްޗެއް، މަސައްކަތަކާބެހޭ ނުވަތަ ހިދުމަތަކާބެހޭ އެންމެހައި މައުލޫމާތު، އެ ފަހަރަކަށް ތައްޔާރުކޮށް ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް ދޫކުރާ ބީލަންފޮތުގައި ހިމެނުން.
  2. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ މައުލޫމާތުގެ އިތުރަށް ބީލަންވެރިން ހުށަހަޅާ ބީލަންތައް ދިރާސާކޮށް ފެންވަރު ބަލާނެ ގޮތުގެ މިންގަނޑު (އިވެލުއޭށަން ކްރައިޓީރިއާ) ޕްރޮކިއު ކުރުމަށް ތައްޔާރުކުރާ ބީލަންފޮތުގައި ހިމެނުން؛ 
  3. ބީލަމާއެކު ބީލަންވެރިން ހުށަހަޅަންޖެހޭ އެންމެހައި މައުލޫމާތުތައް ހުށަހަޅަންޖެހޭ ގޮތުގެ ނަމޫނާ (ފޯމެޓް) އާއި، ބީލަމާއެކު ހުށަހަޅަންޖެހޭ ގެރެންޓީ ނުވަތަ ސެކިއުރިޓީފަދަ ތަކެތީގެ ނަމޫނާ ބީލަންފޮތުގައި ހިމެނުން.

(ނ) ބީލަންފޮތުގައި ހިމެނޭ ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓް ތައްޔާރުކުރުމުގައި ތިރީގައިމިވާ ކަންތައްތަކަށް ސަމާލުކަންދޭން ވާނެއެވެ.

  1. ވަކި ފަރާތަކަށް ނުޖެހި، ހަމަހަމަކަމާއެކު ވާދަވެރިކަމަށް ހުޅުވައިލެވޭ ބީލަމެއްކަން؛
  2. އެއްބާވަތެއްގެ ބީލަންތަކަށް ޕޮއިންޓް ދިނުމަށް އާންމުކޮށް ކަނޑައަޅައިފައިވާ އުސޫލުތަކަށް ބަދަލު ނުގެނައުން؛
  3. ބީލަމަށް ހުޅުވައިލައިގެން ހޯދާ ތަކެއްޗަކީ ނުވަތަ ކުރުވާ މަސައްކަތަކީ ނުވަތަ ހޯދާ ހިދުމަތަކީ އެ އޮފީހެއްގެ ބޭނުންތައް ހާސިލުވާނޭހެން އެކަށީގެންވާ ފެންވަރުގައި ކުރެވޭ ކަމަކަށް ވުން.

(ރ) ބީލަމެއްގައި ހޯދަން ބޭނުންވާ އެއްޗެއް ނުވަތަ ކުރަން ބޭނުން މަސައްކަތެއް ނުވަތަ ބޭނުންވާ ހިދުމަތެއް ހާސިލުކުރުމުގައި ބޭނުންވާ ކަންތައްތައް ކަނޑައަޅަންވާނީ، އެ ކަމަކަށް އެންމެ އެކަށީގެންވާ ފަންނުވެރިކަމާއި ފެންވަރު ހިމަނައިގެންނެވެ.

(ބ) ބީލަމެއްގައި ބޭނުންވާ ކަންތައްތައް ކަނޑައެޅުމުގައި، އެ ކަމެއް ބުނެދެވޭނެ ނުވަތަ ތަފުސީލު ދެވޭނެ އެއްވެސް ގޮތެއް ނެތް ހިނދެއްގައި މެނުވީ، ވަކި ބްރޭންޑް ނަމެއް، ނުވަތަ ޑިޒައިނެއް، ނުވަތަ ޓްރޭޑްމާކެއް، ނުވަތަ ވައްތަރެއް، ނުވަތަ އަސްލު އުފެއްދުން އުފައްދާ ފަރާތް ނުވަތަ ކެޓަލޮގަކަށް ރިއާޔަތްކޮށްގެން ނުވާނެއެވެ. ބޭނުންވާ ކަންތައްތައް ކަނޑައެޅުމުގައި އިސްވެ ބަޔާންކުރިގޮތަށް ރިއާޔަތްކުރާނަމަ، އެއާ އެއްފެންވަރުގެ އެހެން އުފެއްދުންތައް ގަބޫލުކުރަންވާނެއެވެ. އަދި ހުށަހެޅޭ ބީލަންތައް ދިރާސާކުރުމުގައި ކުރިން ބަޔާންކުރި ފަދަ ވަކި ވައްތަރެއް ބަލަންވާނީ، އިވެލުއޭޓްކުރުމުގައި ގެންގުޅެވޭ އާންމު މިންގަނޑަކަށެވެ.

(ޅ) މި މާއްދާގެ (ބ) ގައި ވަކިގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްނިކަލް ކޮމްޕެޓިބިލިޓީއަށާއި ސަރވިސްކުރުމަށް ނުވަތަ މަރާމާތުކުރުމަށް ނުވަތަ ވޮރަންޓީގެ ށަރުތުތައް ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ޕްރޮކިއު ކުރުމަށް ހުޅުވައިލައިފައިވާ ބީލަމުގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރޭގައި ވަކި ޓްރޭޑްމާކެއް، ނުވަތަ ބްރޭންޑް ނަމެއް، ނުވަތަ ޕޭޓެންޓެއް، ނުވަތަ ވައްތަރެއް، ނުވަތަ ބާވަތެއް، ނުވަތަ ވަކި އަސްލެއް، ނުވަތަ ވަކި ފަރާތަކުން އުފައްދައިފައިވާ އެއްޗެއް، ނުވަތަ ކެޓަލޮގް ނަންބަރު ހިމެނުމަށް ލާޒިމުކުރެވިދާނެއެވެ.

 

10.32 ވަނަ މާއްދާ - ބީލަންފޮތް (ބިޑް ޑޮކިއުމަންޓް)

(ހ) ބީލަމަށް ހުޅުވައިލާ ކޮންމެ ޕްރޮޖެކްޓެއްގެ ބީލަން ކުރިޔަށް ގެންދިޔުމުގައި ބޭނުންކުރަންވާނީ، މިނިސްޓްރީން އެ ކަމަކަށް ތައްޔާރުކުރާ، ނުވަތަ އެ ފަރާތުން އެކުލަވައިލައި ފާސްކޮށް އާންމުކޮށްފައިވާ ބިޑް ޑޮކިއުމަންޓެކެވެ.

(ށ) ބިޑް ޑޮކިއުމަންޓް ތައްޔާރުކުރުމުގައި، އެންމެ މަދުވެގެން ވެސް، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށްދާނެ ގޮތާއި، އަމަލުކުރާނެ އުސޫލުތައް؛
  2. ބީލަމަށް ހުޅުވައިލާ ޕްރޮޖެކްޓެއްގެ ބޭނުންތަކާއި، ވައްތަރާއި، ފަންނީ މިންގަނޑާއި، ގާބިލު ބަޔަކު ހޮވުމުގައި ބަލާނެ މިންގަނޑުތައް ތަފުސީލުކޮށްފައިވާ "ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓް"؛
  3. ބީލަމުގައި ބޭނުންކުރާނެ އެއްބަސްވުން (ކޮންޓްރެކްޓް) އޮންނާނެ ގޮތާއި، އެއްބަސްވުމުގެ މާއްދާތަކާއި، އެ ޕްރޮޖެކްޓެއްގައި ހިމެނޭ ކަންތައްތަކާއި، އަމަލުކުރަންޖެހޭ ގޮތްތައް؛
  4. ބީލަންތައް އިވެލުއޭޓްކުރާނެ ގޮތާއި، އިވެލުއޭޓްކުރުމުގައި ބޭނުންކުރެވޭ ކްރައިޓީރިއާއާއި، ބީލަން ހަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ ގޮތްތައް؛
  5. ބީލަމާއެކު ބީލަންވެރިން ހުށަހަޅަންޖެހޭ އެންމެހައި މައުލޫމާތުތައް ހުށަހަޅަންޖެހޭ ގޮތުގެ ނަމޫނާ (ފޯމެޓް) އާއި، ބީލަމާއެކު ހުށަހަޅަންޖެހޭ ގެރެންޓީ ނުވަތަ ސެކިއުރިޓީފަދަ ތަކެތީގެ ނަމޫނާ.

 

10.33 ވަނަ މާއްދާ -

އާންމުކޮށް އިއުލާނުކޮށްގެންނާއި، އެހެނިހެން ގޮތްގޮތުން ބީލަން އާންމުކުރުމާއި، ށާއިއުކުރުން

(ހ) ބީލަންތައް އާންމުކޮށް ހުޅުވައިލާއިރު، ބީލަމުގެ ވައްތަރާއި، ޕްރޮކިއުމަންޓުގެ އުސޫލުތަކާއި، ފަންނީ މިންގަނޑުތަކާއި، ކޮލިފައިވުމަށް ބޭނުންވާނެ ށަރުތުތައް ބަޔާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް އާންމުކޮށް ހުޅުވައިލާ ބީލަންތަކަށް، އެކަމަށް ގާބިލު ފަރާތްތަކުން ބީލަން ހުށަހެޅުމަށް އިއުލާނުކުރާނީ ނުވަތަ އާންމުކުރާނީ ތިރީގައިމިވާ ގޮތުގެ މަތީންނެވެ.

  1. ޕްރޮކިއުމަންޓުގެ އިއުލާނުތައް އާންމުކުރުމަށް ސަރުކާރުން ހަމަޖައްސާ ވެބްސައިޓެއްގައި ހިމެނުމުގެ އިތުރަށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްގެން؛
  2. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތަށް އާންމުކުރުމުގެ އިތުރުން، ޕްރޮކިއުކުރާ އޮފީހެއްގެ ވެބްސައިޓެއްގައި ށާއިއުކުރުން ނުވަތަ އާންމު ނޯޓިސްބޯޑުގައި ބަހައްޓައި، އެފަދަ އިއުލާނުތައް އާންމުކުރުމަށް ކަނޑައަޅައިފައިވާ ތަނެއްގައި ބަހައްޓައިގެން.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް އަމަލުކުރުމުގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި ނުވަތަ އެއީ އެންމެ އެކަށީގެންވާ ގޮތްކަމަށް ފެންނަ ހާލަތްތަކުގައި، ޗާޕުކޮށްގެން ނުކުންނަ ނޫސް، މަޖައްލާތަކުގައި ށާއިއުކޮށްގެން އާންމުކުރެވިދާނެއެވެ.

(ރ) ބީލަން އާންމުކުރުމަށް ކުރާ އިއުލާނު، އެ އިއުލާނު އާންމުކުރުމަށް ކަނޑައަޅާ އުސޫލެއްގެ މަތީން ށާއިއުކޮށް އާންމުކުރަންވާނެއެވެ. އަދި އެ ބީލަމަކާބެހޭ މައުލޫމާތު ދިނުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށް މި ގަވާއިދުގެ 10.38 ވަނަ މާއްދާގެ (ބ) ގައިވާ މުއްދަތު ދޭންވާނެއެވެ.

(ބ) ތިރީގައިމިވާ ފަދަ ޕްރޮޖެކްޓްތައް، ބައިނަލްއަގުވާމީ ފެންވަރެއްގައި ދައުރުވާ، ޗާޕުކޮށްގެން ނުކުންނަ ނޫސް މަޖައްލާތަކުގެ ތެރެއިން މަދުވެގެން 2 (ދޭއް) ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ށާއިއުކޮށްގެންނާއި އިލެކްޓްރޯނިކް ވަސީލަތްތަކުގައި އާންމު ކުރެވިދާނެއެވެ.

  1. ޕްރޮޖެކްޓުގެ އަންދާޒާ އަގު، މި ގަވާއިދުގެ ޖަދުވަލު 1 ގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މިންވަރުގެ ޕްރޮޖެކްޓުތައް؛
  2. އެކަށީގެންވާ ވާދަވެރި މާހައުލެއްގައި ބީލަންކުރުމުގެ ފުރުސަތު، ބައިނަލްއަގުވާމީ ފަރާތްތަކަށް ހުޅުވައިލަން މިނިސްޓްރީން ނިންމާ ޕްރޮޖެކްޓުތައް.

 

10.34 ވަނަ މާއްދާ - ބީލަމުގައި ބައިވެރިވާ ފަރާތްތައް ހޮވުން

ބީލަމުގައި ބައިވެރިވާ ފަރާތްތައް ހޮވާނީ، ތިރީގައިމިވާ ގޮތުގެ މަތީން އެ ބީލަމެއްގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ކަނޑައަޅައިފައިވާ ގޮތްތަކަށް ބަލައިގެންނެވެ.

(ހ) މި ގަވާއިދުގެ 10.33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް އާންމުކޮށް އިއުލާނުކޮށްގެން ހުށަހަޅާ ފަރާތްތައް އިވެލުއޭޓްކޮށްގެން، ނުވަތަ މި ގަވާއިދުގެ 10.35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އާންމުކޮށް އިއުލާނުކޮށްގެން ހުށަހަޅާ ފަރާތްތައް ޕްރީ-ކޮލިފައިކޮށްގެން.

(ށ) މި ގަވާއިދުގެ 10.36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ބީލަމުގައި ބައިވެރިވުމުގެ ށައުގުވެރިކަން ހުށަހެޅުމަށް އާންމުކޮށް އިއުލާނުކޮށް ށައުގުވެރިކަން ހުށަހަޅާ ފަރާތްތައް ށޯޓްލިސްޓްކޮށް، އެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު (ރިކްއެސްޓް ފޮރ ޕްރޮޕޯޒަލް) ފޮނުވައިގެން.

(ނ) މި ގަވާއިދުގެ 10.37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ށޯޓްލިސްޓްކޮށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ވަކި ފަރާތްތަކަކަށް އެކަނި ހުޅުވައިލައިގެންނާއި، އެކި ފަރާތްތަކުން ކޯޓޭށަން ހޯދައިގެން.

(ރ) އެއް ފަރާތަކުން ލިބެން ހުންނަ ތަކެތި ހޯދުމަށް އެ ފަރާތެއް ކަނޑައަޅައިގެން.

 

10.35 ވަނަ މާއްދާ - ބީލަންވެރިން ޕްރީ-ކޮލިފައިކުރުން

(ހ) ބީލަމެއް ހަވާލުކުރާނޭ އެކަށީގެންވާ ގާބިލު ފަރާތެއް ކަނޑައެޅުމުގައި، ތިރީގައިމިވާ ގޮތުގެ މަތީން ބީލަންވެރިން ޕްރީ-ކޮލިފައި ކުރެވިދާނެއެވެ.

  1. އެ ބީލަމެއްގެ ދަށުން ގަންނަން ބޭނުންވާ ތަކެއްޗަކީ ނުވަތަ ކުރަން ބޭނުންވާ މަސައްކަތަކީ ނުވަތަ ހޯދަން ބޭނުންވާ ހިދުމަތަކީ ވަކި ހާއްސަ ހުނަރެއް ބޭނުންވާ ނުވަތަ ވަކި ގޮތްތަކެއް ކަނޑައެޅިފައިވާ ނުވަތަ އެ ކަމެއް ފަރުމާކުރުމުގެ ތަފުސީލު ބޭނުންވާ ކޮންޓްރެކްޓަކަށް ވުން؛
  2. ބީލަން ތައްޔާރުކުރުމަށް ކުރަންޖެހޭ ހަރަދު ބޮޑުވުމުގެ ސަބަބުން ބީލަމުގައި ބައިވެރިވާނޭ ފަރާތްތައް މަދުވެ، ވާދަވެރިކަން ކުޑަވެދާނެފަދަ ކޮންޓްރެކްޓަކަށް ވުން؛
  3. ހުށަހެޅޭ ބީލަންތައް ތަފުސީލުކޮށް ދިރާސާކުރަން ޖެހުމާއި، ގިނަ އަދަދެއްގެ ބީލަންތައް ދިރާސާކުރުމަށް ޓަކައި ވަގުތު ހޭދަވުމާއި، ސަރުކާރުގެ އިދާރާއަކުން އެކަމަށް ކުރަންޖެހޭ ހަރަދު ބޮޑުވެދާނެފަދަ ކޮންޓްރެކްޓަކަށް ވުން.

(ށ) ދައުލަތުގެ އޮފީހަކުން ކޮންޓްރެކްޓަރުން ޕްރީ-ކޮލިފައި ކުރާނަމަ، އެކަމަށް ށަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޕްރީ-ކޮލިފައިވުމަށް ފުރުސަތު އޮންނާނޭހެން، މި ގަވާއިދުގެ 10.33 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ ކަމެއް އާންމުކުރަންވާނެއެވެ.

(ނ) ޕްރީ-ކޮލިފިކޭށަނުގައި ބައިވެރިވުމަށް އެދޭ ހުރިހާ ބީލަންވެރިންނަށް ޕްރީ-ކޮލިފިކޭށަން ބީލަންފޮތް ދޫކުރަންވާނެއެވެ. މިގޮތުން ދޫކުރެވޭ ބީލަންފޮތުގައި، ޕްރީ-ކޮލިފިކޭށަން ކްރައިޓީރިއާއާއި، ޕްރީ-ކޮލިފިކޭށަން ށަރުތުތަކާއި، ބީލަންފޮތް ފުރިހަމަކުރާނެ ގޮތާއި، ހުށަހަޅާނޭ ގޮތުގެ މައުލޫމާތު ހިމަނަންވާނެއެވެ.

(ރ) ޕްރީ-ކޮލިފައިކުރެވޭ ހުރިހާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ދޭންވާނެއެވެ.

 

10.36 ވަނަ މާއްދާ - ލަފާދިނުމާއި، އެކަމަށް ށައުގުވެރިކަން ހުރި ފަރާތްތައް ހޯދުން

(ހ) ލަފާދިނުމާއި ހިދުމަތް ހޯދުމުގައި އެކަމަށް ށައުގުވެރިކަން ހުރި ފަރާތްތައް ހޯދުމަށް އާންމުކޮށް ކުރާ އިއުލާނުގައި ނުވަތަ މައުލޫމާތު ދިނުމަށް ތައްޔާރުކުރާ ކަރުދާހުގައި، އެ ކަމެއްގެ ބާވަތާއި، ފުރިހަމަ ތަފުސީލާއި، ބީލަން ހުށަހަޅާ ފަރާތްތަކުގެ ތަޖުރިބާއާއި، މަސައްކަތުގައި ށާމިލުވާ މުވައްޒަފުންގެ ތައުލީމީ ފެންވަރާއި، ހުނަރާއި، އެ ކޮންޓްރެކްޓެއް ހަވާލުކުރެވޭ ފަރާތަކުން އެ މަސައްކަތެއް އެންމެ ފުރިހަމަގޮތުގައި ކުރިޔަށް ގެންދިޔުމަށް ޓަކައި ކޮންމެހެން ބަލަން ބޭނުންވާނޭ ކަންތައްތައް (މިނިމަމް ރިކުއަޔަރމެންޓް) ހިމަނައިގެން، ށޯޓްލިސްޓް ކުރުމުގައި ބަލާނޭ ކްރައިޓީރިއާއެއް ހިމަނައިފައި އޮންނަންވާނެއެވެ.

(ށ) ލަފާދިނުމާއި ހިދުމަތް ހޯދުމުގައި، އެކަމަށް ށައުގުވެރިކަން ހުރި ފަރާތްތައް ހޯދުމަށް އާންމުކޮށް އިއުލާނު ކުރަންވާނީ، ނުވަތަ ށާއިއުކުރަންވާނީ، މި ގަވާއިދުގެ 10.33 ވަނަ މާއްދާގެ (ށ) އިން ފެށިގެން އެ މާއްދާގެ (ރ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށެވެ.

(ނ) ބީލަމުގައި ބައިވެރިވާނޭ އެކަށީގެންވާ ފަރާތްތަކެއް ށޯޓްލިސްޓްކުރުމުގެގޮތުން ބީލަން ހުށަހަޅައިފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް، އިއުލާނުގައި ބަޔާންކޮށްފައިވާ ނުވަތަ މައުލޫމާތު ދިން ކަރުދާހުގައިވާ ކްރައިޓީރިއާއާ އެއްގޮތަށް އިވެލުއޭޓްކުރަންވާނެއެވެ.

(ރ) ބީލަމުގެ ވާދަވެރިކަން ދެމެހެއްޓުމަށް ޓަކައި އެކަށީގެންވާ އަދަދެއްގެ ބައެއް ށޯޓްލިސްޓްކުރަންވާނެއެވެ. އަދި މިގޮތުން 3 (ތިނެއް) ފަރާތަށްވުރެ މަދުނޫން އަދަދެއްގެ ބީލަންވެރިން ށޯޓްލިސްޓްކުރެވޭތޯ ބަލަންވާނެއެވެ.

(ބ) ބީލަމުގައި ބައިވެރިވުމަށް ށައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ކްރައިޓީރިއާގައިވާ ށަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކެއް ށޯޓްލިސްޓް ކުރަންވާނެއެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އެންމެ ފުރަތަމަ ދޭނީ، ށޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ ގާބިލު 6 (ހައެއް) ފަރާތަކަށެވެ. މިގޮތުން ޕްރޮޕޯޒަލް ހުށަހަޅަން ދޭ ފަރާތްތަކުގެ ތެރެއިން ފަރާތެއް ޕްރޮޕޯޒަލް ހުށަހަޅަން ބޭނުންނުވާކަން އަންގައިފިނަމަ، ށޯޓްލިސްޓް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދެން އެންމެ ގާބިލު ފަރާތަކަށް އެ ފުރުސަތު ދޭންވާނެއެވެ.

 

10.37 ވަނަ މާއްދާ - ށޯޓްލިސްޓްކުރުން

(ހ) މި ގަވާއިދުގެ 10.35 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، ދައުލަތުގެ އޮފީސްތަކުން ހުޅުވައިލާ ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު، އެ ކަމަކަށް ށޯޓްލިސްޓްކުރާ ފަރާތްތަކަށް އެކަނި ދޭގޮތަށް ހަމަޖައްސާނަމަ، އެ ފަރާތްތައް ށޯޓްލިސްޓްކުރަންވާނީ ތިރީގައިމިވާ ގޮތްތަކަށް ބަލައިފައެވެ.

  1. މި ގަވާއިދުގެ 10.18 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، އެ ކަމެއް ކުރަނީ މަދު ބަޔަކުކަމަށް ވުން ނުވަތަ ވަކި ފަރާތްތަކަކުން ކަމަށް ވުން؛
  2. ށޯޓްލިސްޓް ކުރުމުގައި އެ ކަމެއް ކުރަމުންގެންދާ ތަޖުރިބާހުރި، މަދުވެގެން 3 (ތިނެއް) ފަރާތެއް ހިމެނުން.

(ށ) ބީލަމުގައި ބައިވެރިވާ ފަރާތްތައް ށޯޓްލިސްޓް ކުރުމުގައި، އެ ބޭނުންވާ ކަމެއް ފުރިހަމަ ނުކުރެވޭނެކަމަށް ފެންނަ ފަރާތްތައް ށޯޓްލިސްޓްކޮށްގެން ނުވާނެއެވެ. ށޯޓްލިސްޓްކުރެވޭ ފަރާތްތަކަކީ ބޭނުންވާ މިންވަރަށް ގާބިލުކަމާއި ފެންވަރާއި ހުނަރުހުރި ބަޔަކަށް ވާންވާނެއެވެ.

(ނ) ބީލަމެއްގައި ބައިވެރިވުމަށް ށޯޓްލިސްޓްކުރެވޭ ފަރާތްތަކަކީ އެއްފަރާތަކަށް ނިސްބަތްވާ ނުވަތަ އެއްފަރާތަކުން ކޮންޓްރޯލްކުރާ ފަރާތްތަކަކަށް ވެގެން ނުވާނެއެވެ.

 

10.38 ވަނަ މާއްދާ - ބީލަންކުރުމުގެ މަރުހަލާތައް

(ހ) ބީލަމުގައި ބައިވެރިވާ ފަރާތްތަކާއި ށޯޓުލިސްޓްކުރެވޭ ފަރާތްތަކުގެ މައުލޫމާތު، ބީލަމުގެ ކަންތައްކުރާ ދައުލަތުގެ އޮފީސްތަކުން ބަލަހައްޓަންވާނެއެވެ.

(ށ) ބީލަމަށް ތައްޔާރުކޮށްފައިވާ ބީލަންފޮތް، ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް ވިއްކިދާނެއެވެ. ބީލަންފޮތުގެ އަގު ކަނޑައެޅުމުގައި އާންމުގޮތެއްގައި ބަލަންވާނީ، ބީލަންފޮތް ޕްރިންޓްކޮށްގެން ނުވަތަ ކޮޕީ ހައްދައިގެން ވިއްކުމަށް ހިނގާނޭ ހަރަދުތަކުގެ މައްޗަށެވެ. އަދި އެ ބީލަމެއްގެ ޑިމާންޑަށް ބަލައިފައި، ބީލަންފޮތް ވިއްކާ އަގަށް ބަދަލެއް ގެނެވިދާނެއެވެ.

(ނ) ބީލަމުގައި ބައިވެރިވުމަށް ޕްރީ-ކޮލިފައިވެފައިވާ ނުވަތަ ށޯޓްލިސްޓްކުރެވިފައިވާ ފަރާތްތަކެއް ތިބިނަމަ، އެ ފަރާތްތަކަށް ބީލަންފޮތް ދޫކުރަންވާނީ އެއްވަގުތެއްގައެވެ.

(ރ) ބީލަން ހުށަހެޅުމުގެ ސުންގަޑި ކަނޑައެޅުމުގައި، އެ ބީލަމެއްގައި ބައިވެރިވާ ފަރާތްތަކަށް ބީލަންފޮތް ލިބިގަތުމަށާއި، ބީލަން ތައްޔާރުކުރުމަށް އެކަށީގެންވާ ވަގުތު ދޭންވާނެއެވެ.

(ބ) ބީލަންފޮތް ފުރިހަމަކޮށްގެންނާއި އެ ނޫން ގޮތްގޮތުން ބިޑު ހުށަހެޅުމަށް ދެވޭނެ އެންމެ ކުރު މުއްދަތު، ތިރީގައި މިވަނީއެވެ. މުއްދަތު ގުނަން ފަށާނީ، ދައުވަތުދޭ ދުވަހުން ފެށިގެންނެވެ.

  1. އާންމުކޮށް އިއުލާނުކުރާ ބީލަންތަކާއި ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ ދައުވަތާ ގުޅިގެން ބީލަން ހުށަހެޅުމަށް، މަދުވެގެން، ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހާއި 60 (ފަސްދޮޅަސް) ދުވަހާ ދެމެދުގެ މުއްދަތެއް؛ 
  2. ވަކި ފަރާތްތަކަކަށް ހުޅުވައިލާ ބީލަމެއްގައި، ބިޑު ހުށަހެޅުމަށް، މަދުވެގެން، ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހާއި 30 (ތިރީސް) ދުވަހާ ދެމެދުގެ މުއްދަތެއް؛
  3. ކޯޓޭށަން ހޯދައިގެން ކުރާ ކަންތައްތަކުގައި ކޯޓޭށަން ހުށަހެޅުމަށް 1 (އެކެއް) ދުވަހާއި 7 (ހަތެއް) ދުވަހާ ދެމެދުގެ މުއްދަތެއް.

(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތަށް ބީލަންކުރުމުގެ މުއްދަތު ކަނޑައެޅުމުގައި، އެ ބީލަމަކަށް ތައްޔާރުވުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތަކަށާއި، ހުށަހަޅަންޖެހޭ ލިޔުންތަކަށާއި، އެކި ކަންތައްތަކުގެ ތަފުސީލު ބޭނުންވާ މިންވަރަށާއި، ބީލަމުގެ ބާވަތާއި، ބީލަން ހުށަހެޅުމަށް ތައްޔާރުކުރަންޖެހޭނެ މައުލޫމާތުތަކަށް ރިއާޔަތް ކުރަންވާނެއެވެ.

(ކ) ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރިޔަށްގެންދާ މަށްރޫއުތަކާއި، މި ގަވާއިދުގެ 10.21 ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން ހުޅުވައިލާން ބޭނުންވާ ބީލަމުގެ މުއްދަތު ކަނޑައެޅުމުގައި މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާގޮތަށް އަމަލުކުރުން ލާޒިމެއް ނޫނެވެ. މިގޮތަށް ހުޅުވައިލާން ބޭނުންވާ ބީލަމުގެ މުއްދަތު ކަނޑައަޅާނީ، މިނިސްޓްރީއަށް ލިޔެގެން، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(އ) ބީލަމުގެ ކަންތައް ކުރިޔަށް ގެންދިޔުމުގައި، ތިރީގައިމިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

  1. ބީލަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށާއި، ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ސާފުކުރުމަށް ބޭނުންވާ މައުލޫމާތެއް ސާފުކޮށްދިނުމުގެ ގޮތުން ޕްރޮޖެކްޓުގެ ބާވަތަށް ބަލައި ޕްރީ-ބިޑް ބައްދަލުވުމެއް އިންތިޒާމު ކުރެވިދާނެއެވެ.
  2. ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް ޕްރޮޖެކްޓާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް އެކަށީގެންވާ މުއްދަތެއް ދޭންވާނެއެވެ.
  3. މަސައްކަތްކުރުމަށް ވަކި ތަނެއް ކަނޑައެޅިފައިވާނަމަ، އެ ތަނަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެނެގަތުމަށް ޓަކައި އެ ތަނަކަށް ދިޔުން ނުވަތަ ދިޔުމުގެ އިންތިޒާމު ހަމަޖައްސައިދެވިދާނެއެވެ. 
  4. ޕްރޮޖެކްޓުގެ އަންދާޒާ އަގު، މި ގަވާއިދުގެ ޖަދުވަލު 1 ގެ 6 ވަނަ ނަންބަރުގައިވާ ތާވަލުގެ 1 ވަނަ ނަންބަރުގައިވާ މިންވަރަށްވުރެ މަތީ މަސައްކަތާއި، ހޯދާ ހިދުމަތްތަކާއި (ކޮންސަލްޓެންސީ ނުހިމަނައި)، ތަކެތި ހޯދުމުގައި ބިޑް ސެކިއުރިޓީއަކާއި ޕަރފޯމަންސް ގެރެންޓީ ނަގަން ޖެހޭނެއެވެ. ނަމަވެސް މި ގަވާއިދުގެ 10.20 ވަނަ މާއްދާ (ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން ތަކެތި ގަތުން ނުވަތަ ހިދުމަތް ހޯދުން) އާއި، 10.22 ވަނަ މާއްދާގެ ދަށުން ކުރުވާ މަސައްކަތާއި، ހޯދާ ހިދުމަތްތަކާއި (ކޮންސަލްޓެންސީ ނުހިމަނައި)، ތަކެތީގެ ބީލަންތަކުގައި ބިޑް ސެކިއުރިޓީ ނެގުން ލާޒިމު ނޫނަސް، ޕަރފޯމަންސް ގެރެންޓީ ނަގަން ލާޒިމުވާނެއެވެ.
  5. މި މާއްދާގެ (އ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބިޑް ސެކިއުރިޓީއާއި ޕަރފޯމަންސް ގެރެންޓީ ވާންޖެހޭނީ، ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ބޭންކަކުން ނުވަތަ ފައިނޭންށަލް އިންސްޓިޓިއުށަނަކުން ނުވަތަ އެފަދަ ފަރާތަކާއެކު ކޮރެސްޕޮންޑިންގ ބޭންކިންގ އެރޭންޖްމަންޓެއް ހަދައިފައިވާ ބޭންކަކުން ނުވަތަ ފައިނޭންށަލް އިންސްޓިޓިއުށަނަކުން މަސައްކަތަކަށް ދޫކޮށްފައިވާ ސެކިއުރިޓީއަކަށް ނުވަތަ ގެރެންޓީއަކަށެވެ. 
  6. މި މާއްދާގެ (އ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބިޑް ސެކިއުރިޓީއަކީ، ކުރުވާ މަސައްކަތްތަކާއި، ހޯދާ ހިދުމަތާއި (ކޮންސަލްޓަންސީ ނުހިމަނައި)، އަދި ތަކެތި ހޯދުމަށް އެ އޮފީހަކުން އަންދާޒާ ކޮށްފައިވާ އަގުގެ %0.05 (ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސައްތަ) އާއި %1 (އެކެއް އިންސައްތަ) އާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެއެވެ. އަދި ޕަރފޯމަންސް ގެރެންޓީއަކީ، ކުރުވާ މަސައްކަތްތަކާއި، ހޯދާ ހިދުމަތާއި (ކޮންސަލްޓަންސީ ނުހިމަނައި)، އަދި ތަކެތީގެ ބީލަންތަކުގެ ކޮންޓްރެކްޓް އަގުގެ %2 (ދޭއް އިންސައްތަ) އާއި %10 (ދިހައެއް އިންސައްތަ) އާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެއެވެ.
  7. ދައުލަތުގެ އޮފީސްތަކުން ކުރިޔަށްގެންދާ ޕްރޮކިއުމަންޓްތަކުގައި ބިޑް ސެކިއުރިޓީގެ ބަދަލުގައި "ބިޑް ސެކިއުރިންގ ޑެކްލެރޭށަން" އެއް ބަލައިގަނެވިދާނެއެވެ. އަދި "ބިޑް ސެކިއުރިންގ ޑެކްލެރޭށަން" ބަލައިގަނެވޭނެ ހާލަތްތަކާއި، ށަރުތުތަކާއި، ފޯމެޓް، ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ކަނޑައަޅައި އާންމު ކުރަންވާނެއެވެ.

(ވ) ބީލަމަކާ ގުޅޭގޮތުން ބާއްވާ ޕްރީ-ބިޑް ބައްދަލުވުމާއި، ސައިޓްވިޒިޓުގެ މައުލޫމާތު، ބީލަމަށް ދޫކުރެވޭ ބީލަންފޮތުގައި ނުވަތަ މައުލޫމާތުދޭ ކަރުދާހުގައި ނުވަތަ ބީލަމަށް އާންމުކޮށް ކުރެވޭ އިއުލާނުގައި އޮންނަންވާނެއެވެ. ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ޕްރީ-ބިޑް ބައްދަލުވުމަށް ނުވަތަ ސައިޓްވިޒިޓަށް ދިޔުން ކޮންމެހެން ލާޒިމެއް ނޫނެވެ.

(މ) ބީލަމުގައި ދޫކުރެވޭ ބީލަންފޮތުގައި އެ ބީލަމެއްގެ ސައްހަކަން ދެމިގެންދާނެ މުއްދަތު (ބިޑް ވެލިޑިޓީ ޕީރިއަޑް) ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި އެ ބީލަމަކަށް ބޭނުންވާ ޕަރފޯމަންސް ސެކިއުރިޓީއާއި، އެޑްވާންސް ޕޭމަންޓާއި، ގެރެންޓީއާބެހޭ މައުލޫމާތު ހިމަނަންވާނެއެވެ.

 

10.39 ވަނަ މާއްދާ - ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން

(ހ) ބީލަމަށް ދޫކުރެވޭ ބީލަންފޮތުގައި ނުވަތަ ށާއިއުކުރާ ލިޔުމުގައި ނުވަތަ ދޫކުރެވޭ ލިޔުމުގައި އެ ބީލަމެއް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި (ސުންގަޑި) ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި އެ ބީލަމެއް ހުޅުވުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި (ސުންގަޑި) ވެސް ބަޔާންކޮށްފައި އޮންނަންވާނެއެވެ. ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިއަށްވުރެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައިގަނެގެން ނުވާނެއެވެ.

(ށ) ބީލަން ބަލައިގަނެ ހުޅުވުމުގައްޔާއި، ދައުލަތުގެ އޮފީސްތަކުން ތިރީގައިމިވާ ގޮތުގެ މަތީން ކަންތައްތައް ހަމަޖައްސައި، އެއާ އެއްގޮތަށް އަމަލުކުރަމުން ގެންދަންވާނެއެވެ.

  1. ބީލަން ނުވަތަ އަންދާސީހިސާބު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުން؛
  2. ބީލަން ހުޅުވުމަށް ކަނޑައެޅިފައިވާ ވަގުތު ޖެހެންދެން ބަލައިގަނެވޭ ބީލަންތައް، ބީލަމުގެ ސިއްރު ހިފެހެއްޓޭނެގޮތަށް ރައްކައުތެރިކަމާއެކު، ސިޓީއުރައެއްގައި ބަންދުކޮށްފައި ބެހެއްޓުން؛
  3. ބީލަން ބަލައިގަތުމަށް ކަނޑައެޅިފައިވާ ސުންގަޑި ޖެހުމުން ބީލަން ބަލައިގަތުން ބަންދުކޮށް، ސުންގަޑީގެ ފަހުން ހުށަހެޅޭ އެއްވެސް ބީލަމެއް ބަލައިނުގަތުން.

(ނ) ހުށަހަޅައިފައިވާ ބީލަންތައް ހުޅުވުމަށް ކަނޑައަޅައިފައިވާ ގަޑީގައި އެ ވަގުތު އެ ތަނުގައި ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި، ހުށަހަޅައިފައިވާ އެންމެހައި ބީލަންތައް ކަނޑައި ބެލުމަށްފަހު، ބީލަންވެރިން ހުށަހެޅި އަގާއި މުއްދަތު، ހާޒިރުވި ހުރިހާ ފަރާތްތަކަށް ދެއްކުމަށްފަހު، އެ މައުލޫމާތު އެނގޭނޭގޮތަށް ލިޔެ، ހާޒިރުވި ފަރާތްތަކުގެ ސޮއިކުރުވަންވާނެއެވެ.

(ރ) އެކި ފަރާތްތަކަށް ދައުވަތުދީގެން ޕްރޮޕޯޒަލް (ރިކްއެސްޓް ފޮރ ޕްރޮޕޯޒަލް) ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޓެކްނިކަލް ޕްރޮޕޯޒަލުން ފާސްވާ ފަރާތްތަކަށް އެކަން އެންގުމަށްފަހު، އެ ފަރާތްތަކުން ހުށަހަޅާ އަގު، ޕްރޮޕޯޒަލް ހުޅުވުމަށް ކަނޑައެޅިފައިވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑި ޖެހުމާއެކު، މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އެ ޕްރޮޕޯޒަލްތައް ކަނޑައި ބެލުމަށްފަހު، އެ ފަރާތްތަކުގެ ސޮއި ހޯދަންވާނެއެވެ.

(ބ) އަންދާސީހިސާބު ހުށަހަޅާއިރު، "އަންދާސީހިސާބު ހުށަހަޅާ ފޯމު" ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާ ބީލަންތަކުގައި އެ ފޯމު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

(ޅ) އެކި ފަރާތްތަކުން ކޯޓޭށަން ހޯދައިގެން ކުރާ ކަންތައްތަކުގައި، އާންމުކޮށް ބީލަމަށް ހުޅުވައިލުން ލާޒިމެއް ނޫނެވެ. ނަމަވެސް، އަންދާސީހިސާބުތައް ނުވަތަ ކޯޓޭށަންތައް ބަލައިގަންނާނޭ ނުވަތަ ހުށަހެޅޭނޭ އެންމެފަހުގެ ތާރީހަކާއި ވަގުތެއް ކަނޑައަޅައި، އެ ފަރާތްތަކަށް އެކަން އެންގުމަށްފަހު، އެ ވަގުތަށްފަހު ހުށަހަޅާ އަންދާސީހިސާބު ނުވަތަ ކޯޓޭށަންތައް ބަލައިގަނެގެން ނުވާނެއެވެ.

 

10.40 ވަނަ މާއްދާ - ބިޑް އިވެލުއޭޓްކުރުން

(ހ) ބީލަންތައް އިވެލުއޭޓްކުރުމުގައި ބަލަންވާނީ، ބީލަންފޮތުގައި ނުވަތަ މައުލޫމާތު ދިން ކަރުދާހުގައި ނުވަތަ އިއުލާނުގައި އެ ބީލަމެއް އިވެލުއޭޓްކުރުމަށް ބަޔާންކޮށްފައިވާ ގޮތާއި ކްރައިޓީރިއާއާ އެއްގޮތަށެވެ. އެނޫން ގޮތެއް ނުވަތަ ކްރައިޓީރިއާއެއް ބީލަންތައް އިވެލުއޭޓްކުރުމުގައި ބޭނުންކޮށްގެން ނުވާނެއެވެ.

(ށ) ހުށަހަޅައިފައިވާ ބިޑުތައް އިވެލުއޭޓްކުރުމުގައި އެ ބިޑަކާ ގުޅޭގޮތުން އިތުރަށް ކަމެއް އޮޅުންފިލުވަން ބޭނުންވާނަމަ، ނުވަތަ މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެ ކަމެއް އޮޅުންފިލުވުމަށް ނުވަތަ މައުލޫމާތެއް ސާފުކުރުމަށް ދައުލަތުގެ އެ އޮފީހެއްގައި އިވެލުއޭށަން ކޮމިޓީން އެދެވިދާނެއެވެ. މިގޮތުން ސާފުކުރާ ކަމަކާ ގުޅިގެން ނުވަތަ ލިބޭ މައުލޫމާތަކާ ގުޅިގެން، ބީލަންފޮތުގައި ނުވަތަ ބީލަންކުރުމަށް މައުލޫމާތު ދިން ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ހުށަހަޅައިފައިވާ ބިޑެއްގެ އަސްލަކަށް ނުވަތަ އަސާސަކަށް ނުވަތަ ހުށަހަޅައިފައިވާ އަގަކަށް ބަދަލެއް ނުގެނެވޭނެއެވެ.

(ނ) ބޭނުންވެއްޖެ ހިނދެއްގައި، ބީލަމެއްގެ މަސައްކަތް ހަވާލުކުރުމަށް ކަނޑައަޅާ ފަރާތުގައި އެ ކޮންޓްރެކްޓެއް އެންމެ އެދެވޭގޮތެއްގައި ފުރިހަމަކުރުމަށް ލިބިފައިވާ ގާބިލުކަމާއި ބޭނުންވާ ވަސީލަތްތައް ހުރިތޯ ބެލުމުގެ ގޮތުން ބީލަންފޮތުގައި ބަޔާންކޮށްފައިވާ ކްރައިޓީރިޔާއާ އެއްގޮތަށް ޕޯސްޓް-ކޮލިފިކޭށަނެއް ހެދިދާނެއެވެ.

(ރ) އަންދާސީހިސާބުތައް ބަލައި ވަޒަންކުރުމުގައި، ޕްރޮކިއުމަންޓުގެ ބާވަތަށް ބަލައި، އަގާއި މުއްދަތުގެ އިތުރުން، ތިރީގައިމިވާ ކަންކަމުގެ މައްޗަށް ބަލަންވާނެއެވެ.

  1. މާލީގޮތުން އެކަން ކުރެވޭނެ ފެންވަރެއްގައިވާ ފަރާތެއްތޯ؛
  2. ފަންނީގޮތުން ގާބިލުކަންހުރި މިންވަރު؛
  3. ހުށަހަޅައިފައިވާ އަގުތަކާއި، އެ ތަނަކުން އެ ކަމަކަށް އަންދާޒާކުރާ އަގާ އަޅައިބަލާއިރު ހުށަހަޅައިފައިވާ އަގުތަކަކީ އެކަމަށް އެކަށީގެންވާ އަގެއްތޯ؛
  4. މީގެކުރިން އެ ފަރާތަކުން ކޮށްފައިވާ މިބާވަތުގެ ކަންތައްތައް ހިނގައިފައިވާ ގޮތާއި، އެ ކަމެއްގެ ބޮޑުކުޑަމިން؛
  5. ހާމަކަންބޮޑު، އިންސާފުވެރި ބީލަމަކަށް ފުރުސަތު ދެވޭނޭ ގޮތެއްގެ މަތީން، އެ ބީލަމަކާ ގުޅޭގޮތުން އެ އޮފީހެއްގެ ޕްރޮކިއުމަންޓުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސެކްށަނުން ނުވަތަ އިވެލުއޭށަން ކޮމިޓީން ކަނޑައަޅައިފައިވާ މުހިންމު ކަންތައްތައް؛
  6. މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަން ބީލަންފޮތުގައި، ނުވަތަ މައުލޫމާތު ކަރުދާހުގައި، ނުވަތަ އިއުލާނުގައި ހިމަނަންވާނެ.

(ބ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އެ ނޫން ހާލަތްތަކުގައި، ދައުލަތުގެ އޮފީސްތަކަށް ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކުރާނީ، އެ އޮފީހެއްގެ ޕްރޮކިއުމަންޓުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ސެކްށަނަކުން، ނުވަތަ ޑިޕާޓްމަންޓަކުން، ނުވަތަ ބީލަން އިވެލުއޭޓުކުރުމަށް ކަނޑައަޅައިފައިވާ ފަރާތްތަކުންނެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބީލަންތައް އިވެލުއޭޓްކުރުމަށްފަހު، އިވެލުއޭށަން ރިޕޯޓު، ހުއްދަ ހޯދަންޖެހޭ ފަރާތުގެ ހުއްދަ ހޯދުމަށް ހުށަހަޅަންވާނެއެވެ.

(ކ) ބިޑްތައް އިވެލުއޭޓް ކުރަންވާނީ، ބިޑުގެ އަގުގެ ކުޑަބޮޑުމިނަށާއި، އެ ބިޑެއް އިވެލުއޭޓް ކުރުމުގައި ބޭނުންވާ ފަންނީ ހުނަރަށް ބަލައިގެން އެ އޮފީހެއްގައި އުޅޭ އެ ކަމަކާ ގުޅޭ ފަންނީ މީހުން ހިމަނައިގެންނެވެ. އެ އޮފީހަކުން އެފަދަ މީހުން ލިބެން ނެތްނަމަ، އެ ފަންނުގެ މީހުން ލިބެންހުރި އޮފީސްތަކުން ހޯދިދާނެއެވެ.

 

10.41 ވަނަ މާއްދާ -

އާންމުކޮށް ހުޅުވައިލެވޭ ބީލަންތަކާއި، ވަކި ފަރާތްތަކަކަށް ހުޅުވައިލެވޭ ބީލަންތައް އިވެލުއޭޓްކުރާނެ ގޮތް

(ހ) އާންމުކޮށް ހުޅުވައިލެވޭ ބީލަންތަކާއި، ވަކި ފަރާތްތަކަކަށް ހުޅުވައިލެވޭ ބީލަންތައް އިވެލުއޭޓްކުރުމުގައި އަމަލުކުރަންވީ ގޮތް ތިރީގައި މިވަނީއެވެ.

  1. ހުށަހެޅިފައިވާ ބީލަންތައް، އެ ބީލަމުގައި ދީފައިވާ ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓާ އެއްގޮތްވޭތޯ ބެލުމަށް އަޅައިކިޔައި، އެ ބީލަމަކީ އެކަށީގެންވާވަރަށް ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓް ފުރިހަމަވާ (ސަބްސްޓޭންށަލީ ރެސްޕޮންސިވް) ބީލަމެއްތޯ ބަލައި، "ފާސް" ނުވަތަ "ފެއިލް" ކަމަށް ކަނޑައެޅުން؛
  2. ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓް ފުރިހަމަވާ އެންމެ ކުޑައަގެއް (ލޯވަސްޓް އިވެލުއޭޓެޑް ޕްރައިސް) ހުށަހަޅައިފައިވާ ފަރާތެއް ކަނޑައެޅުން.

(ށ) ދައުލަތުގެ އޮފީހަކުން ބޭނުންވެއްޖެ ހިނދެއްގައި، ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކުރުމުގައި ބޭނުންކުރާނޭ އިތުރު ކްރައިޓީރިއާއެއް، ބީލަންފޮތުގައި ނުވަތަ އެކަމަށް ދޫކުރާ ކަރުދާހުގައި ހިމެނިދާނެއެވެ. މިގޮތުން އިތުރުކުރާ ކްރައިޓީރިއާ ވާންވާނީ، އެ ކޮންޓްރެކްޓެއް ފުރިހަމަކުރުމުގެ ފެންވަރާއި ގޮތްތައް ނުވަތަ ކޮންޓްރެކްޓުގެ މާއްދާތަކާއި ށަރުތުތަކާއި ކޮންޓްރެކްޓް ފުރިހަމަކުރުމަށް ހުށަހަޅާ މުއްދަތާއި، ފައިސާ ދިނުމަށް ހުށަހަޅާ ގޮތާއި، ސްޕެއަރޕާޓްސްގެ އަގާއި، އާފްޓަރ ސޭލްސް ހިދުމަތާއި، މެއިންޓަނަންސާއި އިކުއިޕްމަންޓުގެ ފެންވަރުފަދަ ކަންތައްތައް ބެލުމަށް އިތުރުކުރާ ބަޔަކަށެވެ.

(ނ) ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކުރުމަށް އިތުރު ކްރައިޓީރިޔާއެއް ހިމަނަންވާނީ، ބީލަމެއްގައި ހިމެނޭ ކަމެއްގެ ސަބަބުން ދައުލަތަށް ލިބިދާނެ ގެއްލުމެއް ނުވަތަ ފައިދާއެއްގެ މައްޗަށް ރިއާޔަތްކޮށެވެ. މިފަދަ ކަންކަމަކީ މާއްދީގޮތުންނާއި ފައިސާގެގޮތުން އަގުކުރެވޭ ކަމަކަށް ވާންވާނެއެވެ. އަދި އެ ކަމެއްގެ ސަބަބުން ލިބޭ ގެއްލުން ނުވަތަ ފައިދާ ހަމައެކަނި އިވެލުއޭޓްކުރުމުގެ ބޭނުމަށް ބީލަމުގައި ހުށަހެޅިފައިވާ އަގަށް އުނިއިތުރު ގެނެވިދާނެއެވެ. މިގޮތުން މި ބާވަތުގެ ކަމަކާ ގުޅިގެން އުނިއިތުރު ގެންނަން ޖެހިދާނެކަން ބީލަންފޮތުގައި ނުވަތަ މައުލޫމާތުދޭ ށީޓުގައި ނުވަތަ އިއުލާނުގައި ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތައް ފިޔަވައި، ހާއްސަގޮތެއްގައި ކުރިޔަށް ގެންދަންޖެހޭ ޕްރޮކިއުމަންޓެއްގެ ބީލަން އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ ގޮތްތަކެއް، މިނިސްޓްރީން ކަނޑައެޅިދާނެއެވެ.

 

10.42 ވަނަ މާއްދާ - އެކި ފަރާތްތަކުގައި އެދިގެން ހޯދާ ކޯޓޭށަންތައް އިވެލުއޭޓްކުރާނެ ގޮތް

(ހ) އެކި ފަރާތްތަކުގައި އެދިގެން ހޯދާ ކޯޓޭށަންތައް އިވެލުއޭޓްކުރުމުގައި، ތިރީގައިމިވާ ކަންތައްތަކަށް ބަލަންވާނެއެވެ.

  1. އެކި ފަރާތްތަކުން ހުށަހަޅައިފައިވާ ކޯޓޭށަންތަކުގެ ފެންވަރަށާއި ހުށަހެޅިފައިވާ އަގުގެ މައްޗަށް ބަލައި، އެންމެ ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހުށަހެޅުމެއް ހޮވުމުގައި މި ދެބައިގެ ބުރަދަނަށް ބެލުން؛
  2. އެކި ފަރާތްތަކުން ހުށަހަޅައިފައިވާ ކޯޓޭށަންތަކުގެ ފެންވަރަށް ބަލައި، އެންމެ ފެންވަރު ރަނގަޅު ހުށަހެޅުމަށް ބެލުން؛
  3. ކަނޑައެޅިފައިވާ ބަޖެޓަށް ބަލައިގެން އިވެލުއޭޓްކުރުމުގައި، ކޯޓޭށަނުގެ ފެންވަރަށާއި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅައިފައިވާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ ބަޖެޓަށް ފެތޭ ފަރާތް ހޮވުން؛
  4. އެންމެކުޑަ އަގަށް ބަލައިގެން އިވެލުއޭޓްކުރުމުގައި، އެ ޕްރޮޕޯޒަލުގައި ހިމެނިފައިވާ ދައުލަތުގެ އޮފީހުގެ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅައިފައިވާ ފަރާތް ހޮވުން.

(ށ) ތިރީގައިވާ ހާލަތްތައް ފިޔަވައި، އެކި ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޓްކުރަންވާނީ، ފެންވަރަށާއި އަގަށް ބަލައިގެން އެ ކަމެއް ހަވާލުކުރާނެ ފަރާތެއް ހޮވުމަށެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ފެންވަރަށް ބަލައިގެން ވަކި ފަރާތެއް ހޮވާނީ، ތިރީގައިމިވާ ހާލަތްތަކުގައެވެ.

  1. ޓާރމްސް އޮފް ރިފަރެންސް ތައްޔާރުކުރުމުގައި ބޭނުންވާ ކަންތައްތައް ކަނޑައެޅިގެން ބުނެދިނުމަށް ދަތިވުން ނުވަތަ އުނދަގޫވުން. އަދި އެ ކަމަކީ ފަންނީގޮތުން ވަރަށް ހާއްސަ ހުނަރުތަކެއް ބޭނުންވާ ކަމަކަށް ވުމާއި، ބީލަން ހުށަހަޅާ ފަރާތުން އެ ކަމަކަށް ބޭނުންވާ އައު އުފެއްދުންތަކާއި އީޖާދުތައް ފަދަ ކަންތައްތައް ހުށަހެޅުމަށް ދޫކޮށްލުން ބޮޑަށް ރަނގަޅުވާނޭކަމަށް ފެންނަ ކަމެއް ކަމުގައި ވުން؛
  2. ކުރަން ބޭނުންވާ ކަމަކީ އެ ކަމުގެ ބާވަތުން މުޅި މަސައްކަތަށް އޭގެ އަސަރުކޮށްފާނޭ ކަމަކަށް ވެފައި، ދައުލަތުގެ އޮފީހަކުން އެ ކަމެއް ހަވާލުކުރުމަށް ބޭނުންވަނީ އެންމެ ފެންވަރު ރަނގަޅު ފަރާތަކާ ކަމުގައި ވުން؛
  3. އެ ކަމަކީ ތަފާތު އެތައް ގޮތަކަށް ކުރެވިދާނެ އަދި އެ ކަމެއް ކުރާ ފެންވަރަކުން އަގަށް ބަދަލު އަންނަ ފަދަ ކަމަކަށް ވުން.

(ރ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ކަނޑައަޅައިފައިވާ ބަޖެޓަށް ބަލައިގެން ވަކި ފަރާތެއް ހޮވަންވާނީ، ކަނޑައަޅައިފައިވާ ބަޖެޓަށް ފައްތައިގެން އެ ކަމެއް ކުރުވުމަށާއި، ފަސޭހައިން ކުރެވޭފަދަ އަދި އެ ކަމެއް ކުރުމަށް ޓަކައި ދުރާލާ ވަކި ބަޖެޓެއް ކަނޑައަޅައިފައިވާ ކަންތައްތަކުގައެވެ.

(ބ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އެންމެ ކުޑަ އަގަށް ބަލައިގެން ވަކި ފަރާތެއް ހޮވަންވާނީ، ފަސޭހައިން ކުރެވޭ ކުދިކުދި މަސައްކަތްތަކަށާއި، އެ ކަމެއް ކުރުމަށް ވަކި ފެންވަރެއް ނުވަތަ ވަކި ގޮތްތަކެއް ކަނޑައެޅިފައިވާ އަދި އާދަވެގެން އެފަދަ ކަންތައްތައް ކުރާނެ ގޮތްތަކާއި ހަމަތައް ކަނޑައެޅިފައިވާ ކަންތައްތަކުގައެވެ.

 

10.43 ވަނަ މާއްދާ - އާންމުކޮށް ކުރާ ޕްރޮކިއުމަންޓުގެ ކަންތައްތައް ވަޒަންކުރާނެ ގޮތްތައް

(ހ) އާންމުކޮށް މުދާ ގެންނަ ފަރާތްތަކުންނާއި، މަސައްކަތްކުރާ ފަރާތްތަކުންނާއި، ހިދުމަތްދޭ ފަރާތްތަކުން ކޯޓޭށަން ހޯދައިގެން ކުރާ ކަންތައްތަކުގައި، އެ ކަމެއް ހަވާލުކުރާނެ ފަރާތެއް ހޮވައި ވަޒަންކުރުމުގައި ބަލަންވާނީ، އެ އޮފީހަކުން ބޭނުންވާ ކަންތައްތައް ފުރިހަމަވާ އެންމެކުޑަ އަގެއް، ހުށަހެޅިފައިވާ އަންދާސީހިސާބުތައް ބަލައި ވަޒަންކޮށްގެން، އޭގެތެރެއިން އެންމެ އެކަށީގެންވާ ފަރާތެކެވެ.

(ށ) އެންމެ ފަރާތަކުން ހުށަހަޅާ ޓެންޑަރ ވަޒަންކުރުމުގައި ބަލަންވީ ގޮތް، ތިރީގައި މިވަނީއެވެ.

  1. ބޭނުންވާ ކަންތައްތަކުގެ ކަރުދާހުގައިވާ ފަދައިން، އެ އޮފީހުގެ ފަންނީ ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތީން އޮތް ޓެންޑަރެއްތޯ؛
  2. އެ އޮފީހަކުން ހުށަހަޅައިފައިވާ ށަރުތުތަކަށް އެއްބަސްވުން ނުވަތަ އެ އޮފީހަކުން ގަބޫލުކުރެވޭފަދަ ށަރުތުތަކެއް ހުށަހަޅައިފައިވޭތޯ؛
  3. އެކަށީގެންވާ އަގަކަށް ކުރިން ގަނެފައިވާ ބާވަތެއްގެ މުދަލެއްގެ ނުވަތަ މަސައްކަތެއްގެ ނުވަތަ ހިދުމަތެއްގެ ހަރަދުގެ ތެރޭގައި ހިމެނޭ ކޮންމެ ބައެއް ވަކިވަކިކުރުމާއެކު، ހާލަތާއި، ޕްރޮކިއުމަންޓުގެ ޖުމުލަ އަގަށް ރިއާޔަތްކުރުން.

 

10.44 ވަނަ މާއްދާ - ކޮންޓްރެކްޓް ނެގޯށިއޭޓްކުރުން

(ހ) ބީލަމަކަށް ހުށަހަޅައިފައިވާ ބިޑުތައް ވަޒަންކޮށް މި ގަވާއިދުގެ 10.45 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެންމެ ރަނގަޅު ބިޑެއް ހޮވައި ކޮންޓްރެކްޓް ހަވާލުކުރުމަށް ހުއްދަދޭންޖެހޭ ފަރާތުން ހުއްދަ ދިނުމުން، އެ ބިޑެއް ހުށަހެޅި ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، މި މާއްދާގައިވާ ގޮތުގެ މަތީން ނެގޯށިއޭޓް ކުރެވިދާނެއެވެ. މިގޮތުން ކޮންޓްރެކްޓް ނެގޯށިއޭޓް ކުރަންވާނީ، އެ ކޮންޓްރެކްޓެއް ކޮންމެހެން ނެގޯށިއޭޓް ކުރަންޖެހޭ އެކަށީގެންވާ ސަބަބުތަކެއް، ބިޑު ވަޒަންކުރި ރިޕޯޓުގައި ތަފުސީލުކޮށް ހިމަނައިފައިވާނަމައެވެ. ނުވަތަ ބިޑް އެވޯޑްކުރި ފަރާތުން ވަކި ކަމަކަށް ނެގޯށިއޭޓްކުރުމަށް ބިޑް އެވޯޑްކުރި ނިންމުމުގައި ށަރުތުކޮށްފައިވާ ނަމައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކޮންޓްރެކްޓް ނެގޯށިއޭޓް ކުރެވޭނީ، ތިރީގައި މިވާ ކަންތައްތަކުންކުރެ ކަމަކާ ގުޅިގެންނެވެ.

  1. ޑެލިވަރީ ކުރާނެ، ނުވަތަ ނިންމާނެ މުއްދަތު، ނުވަތަ މަސައްކަތްކުރާގޮތް، ނުވަތަ ބޭނުންތަކާ ގުޅޭ ކަރުދާހުގައިވާ ފަންނީ ތަފުސީލުތައް ހިމެނޭ އެއްބަސްވުންތައް، ހާއްސަ ހާލަތެއް ދިމާވެގެން އެ އެއްބަސްވުމަށް ގެންނަންޖެހޭ ކުދިކުދި ބަދަލުތަކެއް ގެނައުމުގެ ގޮތުން؛
  2. ބަޖެޓުން ހަރަދުކުރެވެން ހުރި ނިސްބަތަށް ބަލައި، ބީލަމުގެ އަގުތައް ދަށްކުރަން ޖެހުން؛
  3. ސާފުކުރަންޖެހޭ ބައެއް މައުލޫމާތު ކުރިން ފާހަގަކުރެވިފައި ނެތުމުގެ ސަބަބުން އެ މައުލޫމާތު ސާފުނުކުރެވި އޮތުން، ނުވަތަ ޓެންޑަރކުރުމުގެ ވަގުތުގައި ފައިނަލައިޒްކުރަންޖެހޭ ކަމެއް ނުކުރެވި އޮތުން.

 

10.45 ވަނަ މާއްދާ - އެންމެ ރަނގަޅު ޓެންޑަރ ހޮވުމާއި، ކޮންޓްރެކްޓް ހަވާލުކުރުމަށް ނިންމުން

(ހ) އެންމެ ރަނގަޅު ޓެންޑަރ ހޮވުމުގައި ބަލަންވާނީ، އެ ބީލަން ވަޒަންކުރުމަށް ދައުވަތު ކަރުދާހުގައި ކަނޑައެޅިފައިވާ ގޮތްތަކަށެވެ.

(ށ) ކޮންޓްރެކްޓް ހަވާލުކުރުމަށް ނިންމަންވާނީ، އެ ބީލަން ވަޒަންކުރުމުގެ ރިޕޯޓުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން، ހުއްދަދިނުމަށް ކަނޑައެޅިފައިވާ ފަރާތުން ހުއްދަ ލިބުމުންނެވެ.

(ނ) އެންމެ ރަނގަޅު ޓެންޑަރ ކަނޑައެޅުމަކުން ނުވަތަ ހޮވުމަކުން، ދެފަރާތުން އެއްބަސްވުމެއް ހެދުނީކަމަށް ބަލައިގެން ނުވާނެއެވެ. ނަމަވެސް، އެ ފަރާތަކަށް އެ ކަމެއް ހަވާލުކުރުމަށް ނިންމީކަމަށް ބެލެވިދާނެއެވެ.

(ރ) ކޮންޓްރެކްޓް ހަވާލުކުރަން ނިންމަންވާނީ، ކޮންޓްރެކްޓް ލިބޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް އޮތް ނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން ނުވަތަ އެ ފައިސާ ދެއްކުމަށް ދައުލަތާއެކު އިތުރު އެއްބަސްވުމެއް ހަދައި، އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަމުންދާ ފަރާތެއްކަން، ލިޔުމުން ކަށަވަރު ކުރުމަށްފަހުގައެވެ.

(ބ) ބީލަން ކާމިޔާބުކުރި ފަރާތަށް ކޮންޓްރެކްޓް ހަވާލުކުރުމަށް ނިންމުމުން، އެ ބީލަމެއް ކާމިޔާބުކުރި ފަރާތަށް ކޮންޓްރެކްޓް ހަވާލުކުރަން ގަސްތުކުރާކަން ("ނޯޓިފިކޭށަން އޮފް އިންޓެންށަން ޓު އެވޯޑް") އެ ފަރާތަކަށް ފޮނުވަންވާނެއެވެ. އަދި ދެ މަރުހަލާއަކަށް ބަހައިލައިގެން ބީލަމުގެ ކަންކަން ކުރިޔަށްގެންދާ ޕްރޮކިއުމަންޓްތަކުގައި، ޓެކްނިކަލް ޕްރޮޕޯޒަލުން ފާސްނުވާ ފަރާތްތައް ވެސް ހިމެނޭގޮތަށް، ބީލަމަކަށް ބިޑު ހުށަހެޅި ހުރިހާ ބީލަންވެރިންނަށް "ނޯޓިފިކޭށަން އޮފް އިންޓެންށަން ޓު އެވޯޑް" ފޮނުވަންވާނެއެވެ.

(ޅ) "ނޯޓިފިކޭށަން އޮފް އިންޓެންށަން ޓު އެވޯޑް" ގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ބީލަން ކާމިޔާބުކުރި ފަރާތުގެ މައުލޫމާތު (ނަމާއި އެޑްރެސް)؛
  2. ހުށަހަޅައިފައިވާ ސައްހަ އަގު، ނުވަތަ އެ ބީލަން ވަޒަންކުރުމަށް ޓަކައި އަގާއި ފަންނީ ކަންކަމަށް ޕޮއިންޓް ދީފައިވާނަމަ، ޖުމުލަ ޕޮއިންޓާއެކު ހުށަހަޅައިފައިވާ ސައްހަ އަގު؛
  3. އެ ބީލަމަކަށް ބިޑު ހުށަހެޅި ހުރިހާ ފަރާތްތަކެއްގެ ނަމާއި، އެ ފަރާތްތަކުން ހުށަހެޅި އަގާއި، އިވެލުއޭޓް ކުރުމުން އަންނަ އެ ފަރާތްތަކުގެ ސައްހަ އަގު؛
  4. ބީލަން ކާމިޔާބުނުވާ ފަރާތެއްނަމަ، އެ ބީލަން ކާމިޔާބުނުވި ސަބަބު. މިގޮތުން ހިމަނާ މައުލޫމާތުގައި ސިއްރު ނުވަތަ "ޕްރޮޕްރައިޓަރީ" މައުލޫމާތު (ބީލަންވެރިން ހުށަހެޅި އަގުގެ ތަފުސީލު، ވިޔަފާރީގެ ސިއްރުތައް، މެނުފެކްޗަރިންގ ޕްރޮސެސް/ޓެކްނިކް، ނުވަތަ އެހެންވެސް ވިޔަފާރީގެ ނުވަތަ މާލީ ސިއްރު މައުލޫމާތު) ހިމަނައިގެން ނުވާނެއެވެ.
  5. ބީލަމާ ގުޅޭ މައްސަލަ ހުށަހެޅުމަށް އަމަލު ކުރަންޖެހޭ ގޮތުގެ އިރުށާދު؛
  6. މައްސަލަ ހުށަހަޅަން ލިބޭ މުއްދަތު ހަމަވާ ތާރީހު.

(ކ) "ނޯޓިފިކޭށަން އޮފް އިންޓެންށަން ޓު އެވޯޑް" ލިބޭ ހުރިހާ ބީލަންވެރިންނަށް އެ ނިންމުމާ ގުޅޭގޮތުން މައްސަލަ ހުށަހެޅުމަށް ޓަކައި ސަރުކާރު ބަންދުނޫން 3 (ތިނެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

  1. މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނަން ފަށާނީ، "ނޯޓިފިކޭށަން އޮފް އިންޓެންށަން ޓު އެވޯޑް" ފޮނުވާ ތާރީހާ ޖެހިގެން އޮންނަ ދުވަހުން ފެށިގެންނެވެ.
  2. އަންނަނިވި ހާލަތްތަކުގައި، މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މުއްދަތު ދިނުން ލާޒިމެއް ނޫނެވެ.
    2.1 އާންމުކޮށް ހުޅުވައިލާ ބީލަމެއްގައި އެންމެ ފަރާތަކުން ބިޑު ހުށަހަޅައިފައިވާ ހާލަތުގައި އެ ފަރާތަށް އެވޯޑް ކުރަން ނިންމައިފައިވާނަމަ.
    2.2 މި ގަވާއިދުގެ 10.19 ވަނަ މާއްދާއާއި، 10.20 ވަނަ މާއްދާއާއި، 10.21 ވަނަ މާއްދާއާއި، 10.22 ވަނަ މާއްދާގެ ދަށުން ކުރިޔަށްގެންދާ ބީލަންތައް.
  3. މި މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރާތަކަށް ބީލަން އެވޯޑް ނުކުރާ ހާލަތުގައި، ބިޑު ހުށަހެޅި ފަރާތްތަކަށް ބީލަން ކާމިޔާބު ނުވާކަން އަންގާ ތާރީހުން ފެށިގެން، އެ ބީލަމަކާ ގުޅޭގޮތުން މައްސަލަ ހުށަހެޅުމަށް މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މުއްދަތު ދޭންވާނެއެވެ.
  4. މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅައިފައިވާ މައްސަލައެއް ބަލައި، ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތަކަށް ޖަވާބު ދޭންވާނެއެވެ.
  5. މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި މައްސަލަ ހުށަނާޅައިފިނަމަ ބެލެވޭނީ، މައްސަލަ ހުށަހެޅުމުގެ ހައްގު އެ ފަރާތަކުން ދޫކޮށްލީ ކަމުގައެވެ.
  6. މި މާއްދާގެ ދަށުން ބީލަން ކާމިޔާބުނުވާ ފަރާތްތަކަށް ދޭ މައުލޫމާތުގެ ތެރޭގައި، އެންމެ މަދުވެގެން ވެސް، މި ގަވާއިދުގެ 11.02 ވަނަ މާއްދާގެ (ނ) ގައިވާ މައުލޫމާތު ހުންނަންވާނެއެވެ. އަދި އެ ފަރާތަކުން ކުރާ ސުވާލުތަކުގެ ޖަވާބު ހިމަނަންވާނެއެވެ. ނަމަވެސް އަންނަނިވި ކަންކަމުގެ މައުލޫމާތު ހިމަނައިގެން ނުވާނެއެވެ.
    6.1 އެހެން ބީލަންވެރިން ހުށަހަޅައިފައިވާ ބިޑުގެ ވަކިވަކި ތަފުސީލުތައް.
    6.2 އެހެން ބީލަންވެރިންގެ ވިޔަފާރީގެ ސިއްރު މައުލޫމާތާއި، މާލީ ސިއްރު މައުލޫމާތު.

(އ) މި މާއްދާގެ ދަށުން ފޯރުކޮށްދޭ މައުލޫމާތު، މި ގަވާއިދުގެ 10.50 ވަނަ މާއްދާއާ އެއްގޮތަށް ރައްކައުކޮށް ބަލަހައްޓަންވާނެއެވެ.

(ވ) "ނޮޓިފިކޭށަން އޮފް އިންޓެންށަން ޓު އެވޯޑް" ފޮނުވާތާ، ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ބީލަމާ ގުޅުންހުރި އެއްވެސް މައްސަލައެއް ހުށަހަޅައިފައި ނުވާނަމަ، އެ މުއްދަތު ނިމުމުން، ނުވަތަ "ނޯޓިފިކޭށަން އޮފް އިންޓެންށަން ޓު އެވޯޑް" ލިބޭ ފަރާތްތަކުން އިއުތިރާޒު ނުކުރާކަމަށް އަންގައިފި ނަމަ، "ސްޓޭންޑްސްޓިލް މުއްދަތު" ނިމުނީކަމަށް ބަލައި، ބީލަން ކާމިޔާބުކުރި ފަރާތަށް ކޮންޓްރެކްޓް ހަވާލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަންވާނެއެވެ. މިގޮތުން ކޮންޓްރެކްޓް ހަވާލުކުރަން ނިންމިކަން ("ނޯޓިފިކޭށަން އޮފް އެވޯޑް") ބީލަން ކާމިޔާބުކުރި ފަރާތަށް އަންގަންވާނެއެވެ.

(މ) "ނޯޓިފިކޭށަން އޮފް އިންޓެންށަން ޓު އެވޯޑް" ލިބޭ ފަރާތަކުން، މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މުއްދަތު ނިމުމުގެ ކުރިން ބީލަމާ ގުޅުންހުރި އެއްވެސް މައްސަލައެއް ހުށަހަޅައިފިނަމަ، ކޮންޓްރެކްޓް ހަވާލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަންވާނީ، މައްސަލަ ހުށަހަޅާ ތާރީހުން ފެށިގެން، އެންމެ ގިނަވެގެން، ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ހުށަހަޅައިފައިވާ މައްސަލަ ބަލައިފައި ނިންމި ގޮތެއް، މައްސަލަ ހުށަހެޅި ފަރާތާ ހިއްސާ ކުރުމަށްފަހު، އެ މައްސަލަ އެޕީލް ކުރުމަށް، ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ މުއްދަތެއް ދިނުމަށްފަހުގައެވެ.

(ފ) ދެ މަރުހަލާއަކަށް ބަހައިލައިގެން ބީލަމުގެ ކަންކަން ކުރިޔަށްގެންދާ ޕްރޮކިއުމަންޓްތަކުގައި، ޓެކްނިކަލް ޕްރޮޕޯޒަލުން ފާސްނުވާކަމަށް އަންގައިފައިވާ ފަރާތަކުން މައްސަލަ ހުށަހަޅައިފައިވާ ހާލަތުގައި ފައިނޭންށަލް ޕްރޮޕޯޒަލް ހުޅުވުމުގެ މަސައްކަތް ކުރިޔަށް ގެންދަންވާނީ، އެ ހުށަހަޅައިފައިވާ މައްސަލަ ހުށަހަޅާ ތާރީހުން ފެށިގެން، އެންމެ ގިނަވެގެން، ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ހުށަހަޅައިފައިވާ އެ މައްސަލަ ބަލައިފައި ނިންމި ގޮތެއް، މައްސަލަ ހުށަހެޅި ފަރާތާ ހިއްސާ ކުރުމަށްފަހުގައެވެ.

 

10.46 ވަނަ މާއްދާ - ކޮންޓްރެކްޓް ހަވާލުކުރުން

(ހ) ކޮންޓްރެކްޓް ހަވާލުކުރެވޭނެ ގޮތް، ކޮންމެ ދައުވަތު ކަރުދާހެއްގައި ވެސް ބަޔާންކޮށްފައި އޮންނަންވާނެއެވެ. ދައުވަތު ކަރުދާހުގައި ހިމަނަންޖެހޭނެ ބައިތައް، ތިރީގައި މިވަނީއެވެ.

  1. ލިޔުމުން ތައްޔާރުކޮށްފައިވާ ޑްރާފްޓް އެއްބަސްވުމެއް އޮތުން؛
  2. ގަބޫލުކުރިކަމުގެ ސިޓީ އެ ފަރާތަށް ނުވަތަ ޓެންޑަރ ހުށަހެޅި ފަރާތުގެ އެޑްރެހަށް ރައްދުކުރެވޭނެކަން ބަޔާންކޮށްފައި އޮތުން.

(ށ) އެއްބަސްވުމުގެ ލިޔުން، ޕަރޗޭސް އޯޑަރ، ގަބޫލުކުރިކަމުގެ ސިޓީ ނުވަތަ މުއާމަލާތުކުރެވޭނެ އެހެން ވަސީލަތަކުން ނަމަވެސް މިފަދަ ކަމެއް، ތިރީގައިވާ ހާލަތްތަކުގެ ކުރިން އަންގައިގެން ނުވާނެއެވެ.

  1. މި ގަވާއިދުގެ 10.05 ވަނަ މާއްދާގައިވާ ފަދައިން، ހުއްދަދިނުމަށް ކަނޑައެޅިފައިވާ ފަރާތުން ކޮންޓްރެކްޓް ހަވާލުކުރުމަށް ނިންމުން؛
  2. ޕްރޮކިއުމަންޓުގެ އިދާރީ ކަންތައްތައް އަލުން ބަލަން ނުޖެހޭނެކަން ޔަގީންވުން؛
  3. އެއްބަސްވުމުގައިވާ ފައިސާ ލިބޭނެކަން ޔަގީންވުން؛
  4. އެހެން ފަރާތެއްގެ ހުއްދަ ބޭނުންވާ ކަމެއްނަމަ، އެ ހުއްދަ ލިބުން.

(ނ) ކޮންޓްރެކްޓް ހަވާލުކުރުމަށް ޓަކައި އެކުލަވައިލާ އެއްބަސްވުމުގައި ހިމަނަންވާނީ، އެ ބީލަމަކަށް ދޫކުރި ބީލަން ކަރުދާހުގައި ނުވަތަ މައުލޫމާތު ކަރުދާހާއެކު ހިމަނައިފައިވާ ނުވަތަ ބަޔާންކޮށްފައިވާ ށަރުތުތަކެވެ. އަދި މި ގަވާއިދުގެ 10.44 ވަނަ މާއްދާއާ އެއްގޮތަށް ކޮންޓްރެކްޓް ނެގޯށިއޭޓް ކޮށްގެން، ށަރުތަކަށް ބަދަލެއް ގެނައުމަށް އެއްބަސްވެފައިވާނަމަ، އެ ބަދަލެއް ވެސް ހިމަނަންވާނެއެވެ. ނަމަވެސް، މިގޮތަށް ބީލަމުގެ މައިގަނޑު ށަރުތަކަށް ބަދަލެއް ގެނެސްގެން ނުވާނެއެވެ.

(ރ) މަސައްކަތެއް ކުރުވަންވާނީ، އެ މަސައްކަތެއްގެ ފެންވަރާއި އަގާ ބެހޭގޮތުން ދެފަރާތުން އެއްބަސްވާ އެއްބަސްވުމެއްގައި ސޮއިކޮށްގެންނެވެ. އަދި ހިދުމަތެއްގެ ނުވަތަ ތަކެތީގެ އަގު، މި ގަވާއިދުގެ ޖަދުވަލު 1 ގެ 1 ވަނަ ނަންބަރުގައިވާ ތާވަލުގެ ތެރެއިން ދަރަޖަ 2 އަށް ފެތޭ މިންވަރަށްވުރެ ބޮޑުނަމަ، އެ ކަމެއް ކުރުވަންވާނީ، އެންމެ މަދުވެގެން ވެސް، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ބައިތައް ހިމަނައިގެން ދެފަރާތުން އެއްބަސްވާ އެއްބަސްވުމެއްގައި ސޮއިކޮށްގެންނެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

  1. މަސައްކަތްކުރާ ފަރާތް ނުވަތަ ހިދުމަތްދޭ ފަރާތާއި، މަސައްކަތް ކުރުވާ ފަރާތް ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތުގެ ނަން؛
  2. އެ ކަމެއްގެ ބާވަތާއި، ތަފުސީލު؛
  3. އެއްބަސްވެފައިވާ މުއްދަތު؛
  4. އެއްބަސްވެފައިވާ މުއްދަތަށް ނުނިމިއްޖެނަމަ، ޖޫރިމަނާގެ ގޮތުގައި ފައިސާ ކަނޑާނެ ގޮތް؛
  5. ބޭނުންވާ ތަކެތި ހޯދައިދިނުމުގައި އެއްބަސްވެފައިވާ ގޮތް؛
  6. ނިންމަންވީ ގޮތާއި ފެންވަރު؛
  7. އެއްބަސްވުމުގެ މާއްދާއަކާ ހިލާފުވެއްޖެނަމަ އަމަލުކުރާނެ ގޮތް؛
  8. އެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތް؛
  9. އެކަށީގެންވާ އަވަސްމިނެއްގައި ކުރިޔަށް ނުދާނަމަ، އަޅާނެ ފިޔަވަޅު؛
  10. ވަކި ކަމަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނަމަ، އެ ކަމެއް ބަޔާންކުރުން؛
  11. އަގާއި، އަގު އަދާކުރާނެ ގޮތް؛
  12. ސެކިއުރިޓީ ނުވަތަ ގެރެންޓީއެއް ހޯދާނަމަ، އެ ސެކިއުރިޓީ ނުވަތަ ގެރެންޓީގެ ތަފުސީލާއި، އެ ސެކިއުރިޓީ ނުވަތަ ގެރެންޓީދޭ ފަރާތާއި ލިބޭ ފަރާތުގެ ތަފުސީލާއި، ސެކިއުރިޓީއާއި ކޮންޓްރެކްޓަރަށް ގެރެންޓީ އަނބުރާ ދޫކުރުމުގައްޔާއި އޭގެ މުއްދަތު އިތުރުކުރަންޖެހޭ ހާލަތުގައި އަމަލުކުރާނެގޮތް؛
  13. މި ގަވާއިދުގެ 10.61 ވަނަ މާއްދާގެ ދަށުން އެޑްވާންސް ފައިސާ ދޫކުރަންޖެހޭ އެއްބަސްވުންތަކުގައި އެ ފައިސާދޭނެ ގޮތާއި، އެ ފައިސާ އަގުން ކަނޑާނެ ގޮތް؛ 
  14. މި ގަވާއިދުގެ 10.62 ވަނަ މާއްދާގެ ދަށުން، ރިޓެންށަން ފައިސާ ކަނޑަންޖެހޭ އެއްބަސްވުންތަކުގައި ރިޓެންށަން ފައިސާ ކަނޑާނެ ގޮތާއި، ފައިސާ ބަހައްޓާނެ މުއްދަތު. 
  15. ދައުލަތުގެ އޮފީސްތަކުން މަސައްކަތް ކުރުވުމަށާއި، ހިދުމަތް ހޯދުމަށާއި، ތަކެތި ގަތުމަށް ސޮއިކުރާ އެއްބަސްވުންތަކުގެ ދަށުން އުފެދޭ ހުސޫމާތެއްގެ ސަބަބުން ދައުލަތުން ބަދަލެއް ދޭންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެއްބަސްވުމުގެ ދަށުން ބަދަލުގެ ގޮތުގައި ދެވޭނެ އެންމެ މަތީ މިންވަރަކީ އެއްބަސްވުމުގެ އަގުކަމުގައި ކަނޑައަޅާ މާއްދާއެއް އެއްބަސްވުމުގައި ހިމެނުން.

(ޅ) ދައުލަތުގެ އޮފީސްތަކަށް ބޭނުންވާ ހިދުމަތްތައް ހޯދުމުގައި، އެގްރީމެންޓުގެ މުއްދަތު ހަމަވުމުގެ 2 (ދޭއް) މަސްދުވަހުގެ ކުރިން ނުވަތަ އެ ހިދުމަތެއް މެދުނުކެނޑި ގެންދެވޭނެ ވަގުތު އޮއްވައި އެފަދަ ހިދުމަތް ހޯދުމަށް އަލުން އިއުލާނު ކުރަންވާނެއެވެ.

 

10.47 ވަނަ މާއްދާ - ހޮވުނު ފަރާތް ށާއިއުކުރުމާއި، ޕްރޮކިއުމަންޓުގައި ބައިވެރިވި ބީލަންވެރިންނަށް މައުލޫމާތު ދިނުން

ދައުލަތުގެ އޮފީސްތަކުން އެވޯޑްކުރާ ބީލަންތައް އާންމުކޮށް ށާއިއުކުރަންވާނެއެވެ. ށާއިއުކުރާނީ ތިރީގައިމިވާ ގޮތަކުންކުރެ ގޮތަކަށެވެ.

(ހ) ދައުލަތުން މިފަދަ ކަންތައްތައް ށާއިއުކުރުމަށް ކަނޑައަޅައިފައިވާ ވެބްސައިޓެއްގައި ނުވަތަ އެ އޮފީހެއްގެ ވެބްސައިޓުގައި.

(ށ) އެ އޮފީހެއްގެ ނޯޓިސްބޯޑުގައި ނުވަތަ އެކަމަށް ހާއްސަކޮށްފައިވާ ތަނެއްގައި ބަހައްޓައިގެން.

 

10.48 ވަނަ މާއްދާ -

ކޮންޓްރެކްޓްތައް ހިންގުން

ދައުލަތުގެ އޮފީސްތަކުން ހަވާލުކޮށް ހިންގާ ކޮންޓްރެކްޓްތައް ހިންގާއިރު، އަންނަނިވި ކަންތައްތައް ފުރިހަމަކުރަންވާނެއެވެ.

(ހ) މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބަލައި، ފަންނީ ނިންމުންތައް ނިންމުމަށް، ކޮންޓްރެކްޓް މެނޭޖަރެއް ނުވަތަ ކޮންޓްރެކްޓް މެނޭޖަރުން ކަނޑައަޅަންވާނެއެވެ.

(ށ) ކޮންމެ މަހެއް ނިމުމުން، މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ ގޮތުގެ ޕްރޮގްރެސް ރިޕޯޓެއް، ފެށޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ތައްޔާރުކުރަންވާނެއެވެ. މި ރިޕޯޓު ތައްޔާރުކުރާނީ، އެ ކޮންޓްރެކްޓް ހިންގުމާ ހަވާލުވެހުންނަ ކޮންޓްރެކްޓް މެނޭޖަރެވެ. މި ރިޕޯޓުގައި، އެހައިތަނަށް މަސައްކަތް ނިންމައިފައިވާ ހިސާބާއި، ކޮށްފައިވާ ހަރަދާއި، ދަތިކޮށް ދިމާވެފައިވާ ކަންތައްތައް ނުވަތަ ދިމާވެދާނެ ކަންތައްތަކާއި، ހައްލުކުރުމަށް ކޮށްފައިވާ މަސައްކަތްތައް ނުވަތަ ހައްލުކުރުމަށް ކަނޑައަޅާ ގޮތްތަކާއި، މިނިސްޓްރީން ކަނޑައަޅާ އެހެނިހެން މައުލޫމާތު ހިމަނަންވާނެއެވެ.

(ނ) މަސައްކަތާ ގުޅޭގޮތުން ނިންމައިފައިވާ ނިންމުންތަކާއި އެހެނިހެން ލިޔެކިޔުންތައް، މި ގަވާއިދުގެ 10.50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބަލަހައްޓަންވާނެއެވެ.

(ރ) ކޮންޓްރެކްޓާ ގުޅޭ ތަފުސީލުތައް، ދައުލަތުން ހިންގާ ކޮންޓްރެކްޓްތަކުގެ މައުލޫމާތު ބަލަހައްޓާ ނިޒާމަށް، އެ ކޮންޓްރެކްޓް ހިންގުމާ ހަވާލުވެ ހުންނަ ކޮންޓްރެކްޓް މެނޭޖަރު، ގަވާއިދުން އަދާހަމަ ކުރަންވާނެއެވެ. މި މަސައްކަތް ކުރަންވާނީ، ދައުލަތުގެ އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާގެ ބެލުމުގެ ދަށުންނެވެ.

 

10.49 ވަނަ މާއްދާ - އެއްބަސްވުމަށް ބަދަލުގެނައުން

(ހ) އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، ނުވަތަ އެއްބަސްވުން އުވައިލަން ޖެހިއްޖެނަމަ، އެ އޮފީހުގެ އެންމެ އިސްވެރިޔާ ނުވަތަ އެންމެ އިސްވެރިޔާ ކަނޑައަޅާ ފަރާތެއްގެ ހުއްދަ ހޯދަންވާނެއެވެ. މި ހުއްދައިގެ އިތުރުން، އެއްބަސްވުމުގެ އަގަށް ނުވަތަ މުއްދަތަށް ބަދަލެއް އަންނަނަމަ، މި މާއްދާގެ (ނ) އާއި (ރ) ގެ ދަށުން ހުއްދަ ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެއްބަސްވުމަށް ގެނައުމަށް ނިންމައިފައިވާ ބަދަލުގެ ސަބަބުން، އެ އެއްބަސްވުމުގެ އަގަށް ބަދަލެއް އަންނާނެކަމަށް ފެންނަނަމަ، އަދި އެ ބަދަލާ ގުޅުވައިގެން އެ އޮފީހުން އިތުރު ހަރަދެއް ކުރަންޖެހޭނަމަ، އެ އެއްބަސްވުން އިސްލާހުކުރުމުގެ ކުރިން، އެ ހަރަދެއް އެ އޮފީހެއްގެ ބަޖެޓުން ހަމަޖެއްސޭނެކަން، މާލީ ޒިންމާދާރު ވެރިޔާ ކަށަވަރު ކުރަންވާނެއެވެ.

(ނ) އަމަލުކުރަމުންދާ އެއްބަސްވުމުގެ މައިގަނޑު ސްކޯޕް ބަދަލުނުވާނެ ގޮތަކަށް، އެއްބަސްވުމުގެ އަގަށް އަންނަ ބަދަލުތަކަށް ހުއްދަ ދޭނީ، އަންނަނިވި ގޮތުގެ މަތީންނެވެ.

  1. އެއްބަސްވުން އެވޯޑުކުރި ޖުމުލަ އަގުގެ %15 (ފަނަރަ އިންސައްތަ) އާ ހަމަޔަށް އަގު އިތުރުކުރުމަށް ހުއްދަ ދެވޭނީ، އެ އެއްބަސްވުމެއް ސޮއިކޮށްފައިވާ ދައުލަތުގެ އޮފީހެއްގެ ބިޑް ކޮމިޓީއަށެވެ.
  2. އެއްބަސްވުން އެވޯޑުކުރި ޖުމުލަ އަގުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ އިތުރުވާނަމަ ހުއްދަ ދެވޭނީ، ނޭށަނަލް ޓެންޑަރ ބޯޑަށެވެ.
  3. މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ޓެކުހުގެ ރޭޓަށް އަންނަ ބަދަލާ ގުޅިގެން އެއްބަސްވުމުގެ އަގުގައި ހިމަނައިފައިވާ ޓެކުހުގެ އިންސައްތައަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، އެއްބަސްވުން އިސްލާހުކުރުމަށް އެ އޮފީހުގެ އެންމެ އިސްވެރިޔާ ނުވަތަ އެންމެ އިސްވެރިޔާ ކަނޑައަޅާ ފަރާތަކަށް ހުއްދަ ދެވިދާނެއެވެ.

(ރ) އަމަލުކުރަމުންދާ އެއްބަސްވުމުގެ މައިގަނޑު ސްކޯޕް ބަދަލުނުވާނެ ގޮތަކަށް، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ދައުލަތުގެ އޮފީހެއްގެ ބިޑް ކޮމިޓީއަށް އެ އެއްބަސްވުން އެވޯޑުކުރި މުއްދަތު އިތުރުކުރުމަށް ހުއްދަ ދެވިދާނެއެވެ. ނަމަވެސް، ކޮންޓްރެކްޓަރުގެ އިހުމާލުން ހިނގާ ކަމަކަށް މުއްދަތު އިތުރުކޮށްދީގެން ނުވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްބަސްވުމުގެ އަގަށް ގެންނަ ބަދަލަކާ ގުޅިގެން މުއްދަތަށް އެއްވެސް ބަދަލެއް ގެންނަނަމަ، މުއްދަތަށް ގެންނަ ބަދަލަށް ހުއްދަ ދޭނީ، މި މާއްދާގެ (ނ) ގައި އަގަށް ބަދަލު ގެނައުމުގެ ހުއްދަ ދިނުމަށް ދަރަޖަކުރެވިފައިވާ ފަރާތުންނެވެ. އަދި އެއްބަސްވުމުގެ މުއްދަތަށް ގެންނަ ބަދަލާ ގުޅިގެން އެއްބަސްވުމުގެ އަގަށް އެއްވެސް ބަދަލެއް އަންނަނަމަ، މުއްދަތަށް ގެންނަ ބަދަލަށް ވެސް ހުއްދަ ދޭނީ، މި މާއްދާގެ (ނ) ގައި އަގަށް ބަދަލު ގެނައުމުގެ ހުއްދަ ދިނުމަށް ދަރަޖަ ކުރެވިފައިވާ ފަރާތުންނެވެ.

(ޅ) އެއްބަސްވުމަށް ގެންނަ ބަދަލަކީ އެވޯޑުކޮށްފައިވާ މައިގަނޑު ސްކޯޕުގެ ތެރެއިން ގެންނަ ބަދަލެއްކަން، ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފަރާތުންނާއި ހުއްދަ ދޭ ފަރާތުން ވެސް ޔަގީން ކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ނ) ގެ ދަށުން އެއްބަސްވުމަކަށް ބަދަލު ގެނައުމަށް ހުއްދަ ދިނުމުގެ ކުރިން، އެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ދައުލަތުގެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ، އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

  1. ދައުލަތުގެ އޮފީހަކުން އަމަލުކުރަންޖެހޭ ބަޖެޓުގެ އެއްބައިން އަނެއް ބަޔަށް ބަދަލުކުރުމުގެ އުސޫލުތަކާ ތައާރަޒު ނުވާނެކަން ޔަގީންކުރުން؛
  2. ވޭރިއޭށަނަށްވާ ފައިސާ ދައުލަތުގެ އޮފީހެއްގެ ބަޖެޓުން ހަމަޖެއްސުމާ ގުޅުވައިގެން، ބަޖެޓުން އެ އަހަރަކަށް ކުރުމަށް ކަނޑައަޅައިފައިވާ އެހެން ކަންތައްތަކަށް އަންނާނެ ބަދަލު ބަޔާންކުރުން.

(އ) އެއްބަސްވުމަށް ގެންނަ ބަދަލެއްގެ ސަބަބުން އެއްބަސްވުމުގެ އަގަށް ނުވަތަ މުއްދަތަށް ބަދަލެއް އަންނަނަމަ، އެއްބަސްވުމުގައި ސޮއިކުރާ ދައުލަތުގެ އޮފީހަކުން އެއްބަސްވުމަށް އެ ބަދަލެއް ގެންނަތާ، ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި، ދައުލަތުން މިފަދަ ކަންތައްތައް ށާއިއުކުރުމަށް ކަނޑައަޅައިފައިވާ ވެބްސައިޓެއްގައި ނުވަތަ އެ އޮފީހެއްގެ ވެބްސައިޓުގައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

10.50 ވަނަ މާއްދާ - ޕްރޮކިއުމަންޓާބެހޭ މައުލޫމާތު ރައްކައުކޮށް ބެލެހެއްޓުމާއި ނައްތައިލުން

(ހ) ދައުލަތުގެ އޮފީސްތަކުން ކުރިޔަށްގެންދާ ޕްރޮކިއުމަންޓާބެހޭ ކަންތައްތަކުގެ ހުރިހާ މައުލޫމާތާއި، ކޮންޓްރެކްޓް ހިންގާ ބެލެހެއްޓުމުގެ މައުލޫމާތު އެ ތަނަކުން ރަނގަޅަށް ބަލަހައްޓަންވާނެއެވެ.

(ށ) ޕްރޮކިއުމަންޓާބެހޭ މައުލޫމާތާއި ރިކޯޑުތައް ނައްތައިލަންވާނީ، މި ގަވާއިދުގެ 6.25 ވަނަ މާއްދާއާއި 6.27 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ. މިފަދަ ލިޔުންތަކަށް ވީ މުއްދަތު ބަލަން ފަށާނީ، ތިރީގައިމިވާ ހާލަތްތައް ނިމޭ ދުވަހާ ޖެހިގެން އަންނަ ދުވަހުން ފެށިގެންނެވެ.

  1. ކޮންޓްރެކްޓެއް ނިމުމުން ނުވަތަ އުވައިލުމުން؛
  2. ޕްރޮކިއުމަންޓުގެ މަސައްކަތެއް ކުރިޔަށްގެންދިޔުން ހުއްޓައިލުމަށް ނިންމުމުން؛
  3. ކޮންޓްރެކްޓެއްގެ ދަށުން އުފެދިފައިވާ ދެބަސްވުމެއް ހައްލުވުމުން؛
  4. ހުށަހެޅިފައިވާ މައްސަލައަކާ ގުޅޭގޮތުން ނުވަތަ ށަކުވާއަކާ ގުޅޭގޮތުން ބަލާ މައްސަލައެއް ނިންމުމުން.

(ނ) ޕްރޮކިއުމަންޓާ ގުޅޭ ރިކޯޑުގެ ގޮތުގައި ބެލެވޭ ލިޔުންތައް ކަމުގައި ވާންވާނީ، އެކަމުގައި އަމަލުކުރުމަށް ކަނޑައަޅައިފައިވާ ގޮތްތަކާއި އިރުށާދުތަކާ އެއްގޮތަށް ހުންނަ ލިޔުންތަކާއި ޑޮކިއުމަންޓްތަކެވެ. އެފަދަ ރިކޯޑުގެ ގޮތުގައި ހުންނަންވާނެކަމަށް ބެލެވޭ ލިޔުންތައް، ތިރީގައި މިވަނީއެވެ.

  1. ޕްރޮކިއުމަންޓުގެ ކަންކަމުގައި ބޭނުންކުރާ މުހިންމު ކަރުދާސްތަކުގެ ތެރޭގައި ހިމެނޭ ދައުވަތުދިނުމުގެ ލިޔުމާއި، އެންގުންތަކާއި، ލިބިފައިވާ ބީލަންތަކާއި، ވަޒަންކޮށްފައިވާ ރިޕޯޓުތަކާއި، ބީލަން ގަބޫލުކުރިކަމުގެ ސިޓީއާއި، އެއްބަސްވުމުގެ ލިޔުންތަކާއި، އެއްބަސްވުމަށް ބަދަލެއް ގެނެސްފައިވާނަމަ އެ ލިޔުން؛
  2. ޕްރޮކިއުމަންޓާ ގުޅޭ ފަރާތްތަކުގެ މައުލޫމާތާއި، ބާއްވައިފައިވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ؛
  3. ހުއްދަދިނުމުގެ އިހުތިޔާރު ދީފައިވާ ފަރާތްތަކުގެ ނިންމުންތަކާއި، އެ ބީލަމާ ގުޅޭ އެހެނިހެން ހުއްދަތައް.

 

10.51 ވަނަ މާއްދާ - ހިދުމަތް ހޯދުމާއި މުދާ ގަތުމަށް ފައިސާ ވަކިކޮށްފައި ބެހެއްޓުން

މުދާ ގަތުމަށް ނުވަތަ ހިދުމަތެއް ހޯދުމަށް ވެރިޔަކު ހުއްދަދީގެން އޯޑަރުކޮށްފައިވާނަމަ، ނުވަތަ އެދިފައިވާނަމަ، އެ ވަގުތު އެ މުދާ ލިބެން ނެތް ނަމަވެސް، އެކަމަށް ބޭނުންވާ ފައިސާ އެ ހަރަދެއް ކުރުމަށް ހަމަޖައްސައިފައިވާ އެކައުންޓުން ނުވަތަ ބަޖެޓުގެ އައިޓަމުން އުނިކޮށް ވަކިން ބަހައްޓަންވާނެއެވެ. އަދި ވަކިން ބެހެއްޓި ފައިސާއިން އެ ކަމެއް ކުރެވޭގޮތް ނުވެއްޖެނަމަ، ނުވަތަ ބާކީވެއްޖެނަމަ، ހިސާބުތަކުން އެކަން ހަމަޖައްސަންވާނެއެވެ.

 

10.52 ވަނަ މާއްދާ - މުދާ ގަތުމަށާއި ހިދުމަތް ހޯދުމަށް ހުއްދަދިނުން

ހޯދަން ބޭނުންވާ ހިދުމަތް ނުވަތަ ގަންނަން ބޭނުންވާ ތަކެތި ހޯދަންވާނީ، ތަކެއްޗާއި ހިދުމަތް ހޯދުމަށް ހުއްދަދޭ ފޮތް ނުވަތަ ފޯމު ފުރިހަމަކޮށް، އެކަމަށް ވެރިޔަކު ހުއްދަ ދިނުމުންނެވެ. ތަކެއްޗާއި ހިދުމަތް ހޯދުމަށް ހުއްދަދޭ ފޮތް ނުވަތަ ފޯމު އޮންނަންވީ ގޮތުގެ ނަމޫނާ MG/PC01) މި މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައި ވާނެއެވެ.

 

10.53 ވަނަ މާއްދާ - މުދާ ގަތުން

(ހ) ރާއްޖެއަށް އެތެރެކުރަންޖެހޭ މުދާ ގަންނަންވާނީ، އިމްޕޯޓްމުދާ ވިއްކުމުގެ ހުއްދަ ލިބިފައިވާ ތަންތަނުންނެވެ. ތަކެތި ގަތުމުގައި އެއްޗެއް ވަކިން ގަންނަ އަގުގައި ގިނަ އަދަދެއްގެ ތަކެތި ގަނެގެން ނުވާނެއެވެ. މިގޮތުން ޑަޒަން، ނުވަތަ ކޭސް، ނުވަތަ ގުރުސް ނުވަތަ ބަސްތާއިން ހަމަކޮށް ނުވަތަ އެއަށްވުރެ އިތުރަށް ގަންނަނަމަ ގަންނަންވާނީ އެ ތަނަކުން ގަނޑުކޮށް ވިއްކާ އަގުންނެވެ.

(ށ) ރާއްޖެއިން ބޭރުން ގެންނަންޖެހޭ ތަކެތި އެ ތަނަކުން އޯޑަރުކޮށްގެން ގަންނަންވާނީ، މިނިސްޓްރީގެ މަށްވަރާގެ މަތީން، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) ދައުލަތުގެ ތަނެއްގެ މުވައްޒަފަކު ރާއްޖެއިން ބޭރަށް ކުރާ ދަތުރެއްގައި ގެންނަ އެއްވެސް އެއްޗެއް އެ ތަނަކަށް ގަނެވޭނީ، ނުވަތަ އެފަދަ ދަތުރެއްގައި އެ މުވައްޒަފަކު ލައްވައި އެއްޗެއް ގެނުވަންވާނީ، ތިރީގައިމިވާ ހާލަތްތަކުގައި، މާލީ ޒިންމާދާރު ވެރިޔާގެ ހުއްދަ ކުރިން ހޯދައިގެންނެވެ.

  1. އެ އެއްޗެއް ރާއްޖެއިން ލިބެން ނެތުން؛
  2. އެ އެއްޗެއް ރާއްޖެއިން ބޭރުން ލިބޭ އަގަކީ އެކަށީގެންވާ އަގަކަށްވުން؛
  3. މި ގަވާއިދުގެ ދަށުން އެ އެއްޗެއް ހޯދާނަމަ، އެކަށީގެންވާވަރަށްވުރެ ދިގު މުއްދަތެއް ހޭދަވުމުގެ ސަބަބުން އެ އޮފީހަކުން ދެމުންދާ ހިދުމަތެއް ހުއްޓިދާނެކަމަށް ފެނުން.

 

10.54 ވަނަ މާއްދާ - ބޭނުންވާ މުދާ ބަޖެޓުގައި ހިމެނުން

ގަންނަން ބޭނުންވާ ތަކެތީގެ ގޮތުގައި ހިމެނޭނީ، އެ އަހަރެއްގައި އެ ތަނެއްގެ މަސައްކަތްތައް ހިންގުމަށް ޓަކައި ކުރިޔަށް އޮންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ޕްރޮގްރާމް ބަޖެޓުގައި ހިމެނޭ ޕްރޮގްރާމްތަކަށް ބޭނުންވާ ތަކެއްޗާއި ހިދުމަތަށް ހޯދަންޖެހޭ ތަކެއްޗެވެ.

 

10.55 ވަނަ މާއްދާ - ބޭނުންވާ މުދާ ގަތުމަށް އޯޑަރުކުރުމާއި، މުދާ ގަތުން

(ހ) މުދާ ގަތުމަށް އޯޑަރުކުރާއިރު އޯޑަރުކުރާ ފޯމެއް ތައްޔާރުކުރަންވާނެއެވެ. އެ ފޯމު ތައްޔާރުކުރަންވާނީ، ފުރިހަމަކޮށްފައިވާ މުދާ ގަންނަން އެދޭ ފޯމެއް އޮވެގެންނެވެ. އަދި ގަންނަން އެދިފައިވާ އެއްޗަކީ އެ ތަނަކަށް ހޯދަންޖެހޭ އެއްޗެއްކަމަށް، އެކަމަށް އެދުނު ޑިޕާޓްމަންޓެއްގެ ވެރިއެއްގެ ސޮއި އޮތް ލިޔުމެއް އޮންނަންވާނެއެވެ. މުދާ ގަންނަން އެދޭ ފޯމު ތައްޔާރުކުރާނީ، ސްޓޮކް ބަލަހައްޓާ މުވައްޒަފެކެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ސްޓޮކަށް ތަކެތި ގަތުމަށް މުދަލަށް އޯޑަރުކުރުމަށް ޕްރޮކިއުމަންޓް އޮފިސަރު ނުވަތަ އޮފީހުގެ އިސްވެރިޔަކު ހުއްދަދިނުމުން، މުދަލަށް އޯޑަރުކުރާ ފޯމު (ޕަރޗޭސް އޯޑަރ) މުދާ ވިއްކާ ފަރާތަށް ފޮނުވާނީ، ޕްރޮކިއުމަންޓް އޮފިސަރެވެ. މުދަލަށް އޯޑަރުކުރާ ފޯމުގެ ފުރަތަމަ ކޮޕީ އޮންނާނީ، ޕްރޮކިއުމަންޓް އޮފިސަރުގެ ހަވާލުގައެވެ. ދެވަނަ ކޮޕީ، އެކައުންޓްސް ޑިޕާޓްމަންޓަށް ނުވަތަ ފައިސާގެ ހިސާބުތައް ބަލަހައްޓާ ސެކްށަނަކަށް ފޮނުވަންވާނެއެވެ.

(ނ) މުދާ ގަންނަންވާނީ، އެ އެއްޗަކީ ހޯދަންޖެހޭ އެއްޗެއްކަމަށް، އެ އެއްޗަކަށް އެދުނު ޑިޕާޓްމަންޓެއްގެ ނުވަތަ ސެކްށަނެއްގެ ވެރިޔެއްގެ ސޮއި އޮތް، މުދާ ލިބިގަތުމަށް އެދޭ ފޯމު ސްޓޮކަށް ލިބުމުން، އެ އެއްޗެއް ސްޓޮކުގައި ނެތްނަމައެވެ. މި ފޯމު ތައްޔާރުކުރަންވާނީ، އަސްލާއި 2 (ދޭއް) ކޮޕީ އޮންނަ ގޮތަށެވެ. ( MG/PC01)

(ރ) ހޯދޭ ތަކެތީގެ ތެރޭގައި ހިމެނޭ، ސްޓޮކަށް ވައްދަންޖެހޭ ތަކެތި، މި ގަވާއިދުގެ 12.26 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ސްޓޮކް ހިސާބުތަކުގައި ހިމަނައިގެން ހިސާބުތައް ބަލަހައްޓަންވާނެއެވެ. އަދި ހޯދޭ ދައުލަތުގެ މުދާ، ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނައިގެން ބަލަހައްޓަންވާނެއެވެ. ދައުލަތުގެ މުދަލުގެ ހިސާބުތައް ބަލަހައްޓަންވީ ގޮތް، މި ގަވާއިދުގެ 6 ވަނަ ބާބުގައި ހިމަނައިފައިވާނެއެވެ.

 

10.56  ވަނަ މާއްދާ - ބަޖެޓުން ހަރަދުކުރެވެން ހުރިކަން ޔަގީންކޮށް ހުއްދަދިނުން

ހިދުމަތެއް ހޯދުމުގެ ކުރިން ނުވަތަ އެއްޗެއް ގަތުމުގެ ކުރިން އެކަމަށް ބޭނުންވާ ފައިސާ އެ އޮފީހުގެ ފާސްވެފައިވާ ބަޖެޓުގައި ހިމެނި، ހަރަދުކުރެވޭވަރަށް ބާކީގައި ހުރިކަމަށް ބަޖެޓު ސެކްށަނުގެ ކަމާބެހޭ ވެރިޔަކު ނުވަތަ ޕްރިންސިޕަލް އެކައުންޓްސް އޮފިސަރު ސޮއިކުރުމުން މެނުވީ އެއްވެސް އެއްޗެއް ގަތުމަށް ނުވަތަ ހިދުމަތެއް ހޯދުމަށް އޯޑަރުކޮށްގެން ނުވާނެއެވެ.

 

10.57 ވަނަ މާއްދާ - ޕަރޗޭސް އޯޑަރ ތައްޔާރުކުރުން

(ހ) މި ގަވާއިދުގެ 10.05 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހުއްދަ ހޯދަންޖެހޭ ފަރާތުގެ ހުއްދަ ލިބުމުން، މުދަލަށް އޯޑަރުކުރުމުގެގޮތުން ޕަރޗޭސް އޯޑަރ ތައްޔާރުކުރަންވާނެއެވެ. މިގޮތުން، ޕަރޗޭސް އޯޑަރުގައި ޕްރޮކިއުމަންޓް އޮފިސަރު ނުވަތަ އިސްވެރިޔަކު ސޮއިކޮށް ޕަރޗޭސް އޯޑަރުގެ އަސްލު، ތަކެތި ވިއްކާ ފަރާތަށް ފޮނުވަންވާނެއެވެ. އަދި މުދާ ގެންނައިރު އައިސްފައިވަނީ އޯޑަރުކުރި ތަކެތިތޯ ބެލުމަށް ސްޓޮކް ބަލަހައްޓާ ފަރާތަށް ޕަރޗޭސް އޯޑަރުގެ ކޮޕީއެއް ހަވާލުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޕަރޗޭސް އޯޑަރ ތައްޔާރުކުރަންވާނީ، މިނިސްޓްރީން އެކަން ކުރުމަށް ކަނޑައަޅައިފައިވާ އިންތިޒާމުގެ ތެރެއިންނެވެ.

 

10.58 ވަނަ މާއްދާ - މުދާ ބަލައިގަތުން

(ހ) އޯޑަރުކުރެވުނު ތަކެތި އޮފީހަށް ލިބުމުން، އެ ތަކެއްޗާ ހަވާލުވާ ފަރާތުން (ސްޓޮކް ބަލަހައްޓާ ފަރާތުން) ތަކެތި ގަތުމަށް އޯޑަރުކުރި ފޯމުގައިވާ ތަކެތި ހަމަޔަށް ހުރިތޯ ބަލައި، އެއްވެސް އުނިއިތުރެއްވާނަމަ، އެކަން އެނގޭނޭގޮތަށް ނޯޓުކޮށް، ފެންވަރު ދެރަ ތަކެތި، ނުވަތަ ކަމުނުދާ ތަކެތި، ނުވަތަ ހަލާކުވެފައިވާ ތަކެތި، ނުވަތަ މުއްދަތު ހަމަވެފައިވާ ތަކެތި، ނުވަތަ މުއްދަތު ހަމަވާން ކައިރިވެފައިވާ ތަކެތި ހުރިނަމަ، އެކަންވެސް އެނގޭނޭގޮތަށް، ތަކެތި ގަތުމަށް އޯޑަރުކުރި ފޯމުގައި ލިޔެ ސޮއިކުރަންވާނެއެވެ. އަދި އެއްވެސް އުނިއިތުރެއް ނެތްނަމަ، ނުވަތަ ފެންވަރު ދެރަ ތަކެތި، ނުވަތަ ކަމުނުދާ ތަކެތި، ނުވަތަ ހަލާކުވެފައިވާ ތަކެތި، ނުވަތަ މުއްދަތު ހަމަވެފައިވާ ތަކެތި، ނުވަތަ މުއްދަތު ހަމަވާން ކައިރިވެފައިވާ ތަކެތި ނެތްނަމަ، ތަކެތި ހަމަޔަށް ލިބުނުކަމަށް، ތަކެތި ގަތުމަށް އޯޑަރުކުރި ފޯމުގައި ލިޔެ، ތަކެއްޗާ ހަވާލުވާ ފަރާތުން ސޮއިކުރަންވާނެއެވެ.

(ށ) އޯޑަރުކުރި ތަކެތި އޮފީހަށް ބަލައިގަންނައިރު، އެ ތަކެތީގެ ތެރޭގައި ކަމުނުދާ ތަކެތި، ނުވަތަ އޯޑަރުކުރި ފެންވަރަށްވުރެ ދެރަ ތަކެތި ހުރިކަން ވަގުތުން ފާހަގަކުރެވުނުނަމަ، އޮފީހުން ހަވާލުވާންވާނީ، ރަނގަޅަށް ހުރި ތަކެއްޗާއެވެ. އަދި ބަލައިނުގަނެވޭ ތަކެތި އަނބުރާ ފޮނުވައިލުމަށްފަހު، އެ އަދަދަށް ރަނގަޅު ތަކެތި ގެނުވަންވާނެއެވެ.

 

10.59 ވަނަ މާއްދާ - ކޮންމެ 3 މަހަކަށް މުދާ ހޯދުން

މި ގަވާއިދުގެ 10.53 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ތަކެތި ހޯދާއިރު، އެއްފަހަރާ ތަކެތި ހޯދަންވާނީ، އަހަރުދުވަހަށް ބަހައިލައިގެން، އެންމެ ގިނަވެގެން ވެސް، އެ ތަކެތި އެ ތަނަކަށް 3 (ތިނެއް) މަސްދުވަހަށް ބޭނުންވާ މިންވަރަށް، ނުވަތަ މި ގަވާއިދުގެ 10.21 ވަނަ ނަންބަރުގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ހާލަތުގައި ބަހައްޓަންޖެހޭ ތަކެތި، ބަހައްޓަންޖެހޭ މިންވަރަކަށެވެ.

 

10.60 ވަނަ މާއްދާ - މުދާ ގަތުމުގައި ހޯދަންޖެހޭ ވޮރަންޓީ

މެށިނަރީއާއި އިކުއިޕްމަންޓްފަދަ އަގުބޮޑު ތަކެތި ހޯދަންވާނީ، ވޮރަންޓީ ނުވަތަ ގަރަންޓީދޭ އަދި އެ ބާވަތުގެ މުދާ އެތެރެކޮށް ވިއްކާ ފަރާތަކުން ނުވަތަ އެ ބާވަތުގެ މުދާ އާންމުކޮށް ވިއްކައިހަދާ ތަނަކުންނެވެ. ހޯދާ ތަކެތީގައި، އުފެއްދުމުގެ ގޯހެއް ނުވަތަ އުނިކަމެއް ހުރިނަމަ، މުދާ ގެނެސްދިން ފަރާތުން، ނުވަތަ މުދާ އުފެއްދި ފަރާތުން، ނުވަތަ މުދާ ފޮނުވައިދިން ފަރާތުން އެ ކަމެއް ރަނގަޅުކޮށްދޭންވާނެއެވެ. އަދި އެ މުދަލަކަށް ދީފައިވާ ވޮރަންޓީގެ މުއްދަތުގައި، ނުވަތަ ގަރަންޓީގެ މުއްދަތުގައި، ވޮރަންޓީ ދިނުމުގައި ނުވަތަ ގަރަންޓީ ދިނުމުގައި އެއްބަސްވެފައިވާ ގޮތަށް އެ ކަމެއް ވެސް ރަނގަޅުކޮށްދޭންވާނެއެވެ.

 

10.61 ވަނަ މާއްދާ - އެޑްވާންސަށް ފައިސާ ދިނުން

(ހ) މަސައްކަތުގެ އަގާއި ހިދުމަތުގެ އަގާއި (ކޮންސަލްޓެންސީ ފިޔަވައި) ތަކެތި ގަތުމުގެ ބީލަމުގެ ޖުމުލަ އަގު، މި ގަވާއިދުގެ ޖަދުވަލު 1 ގެ 6 ވަނަ ނަންބަރުގައިވާ ތާވަލުގެ 2 ވަނަ ނަންބަރުގައިވާ މިންވަރަށްވުރެ ބޮޑުނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެޑްވާންސަށް ފައިސާ ދެވިދާނެއެވެ. އަދި މިފަދައިން އެޑްވާންސަށް ފައިސާ ދޫކުރެވޭނީ، އެންމެ ފަހަރަކުއެވެ.

  1. މަސައްކަތް ނުވަތަ ހިދުމަތް (ކޮންސަލްޓެންސީ ފިޔަވައި) ނުވަތަ ތަކެތި ފޯރުކޮށްދިނުމަށް ހަވާލުވާ ފަރާތުން، ހަވާލުވާތާ އެންމެ ގިނަވެގެން، 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމަށް އެދިއްޖެނަމަ، ޖުމުލަ އަގުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުނުވާ އަދަދަކަށް ފައިސާ ދޫކުރުން؛
  2. އެޑްވާންސްގެ ގޮތުގައި ދެވޭ ފައިސާގެ އަދަދު ހަމަވަންދެން ހުށަހަޅާ ބިލުތަކުން، އެޑްވާންސް ފައިސާ ދީފައިވާ ނިސްބަތަށްވުރެ މަދުނުވާނޭހެން ކެނޑުން.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ %15 (ފަނަރަ އިންސައްތަ) އަށްވުރެ އިތުރަށް އެޑްވާންސަށް ފައިސާ ދޫކުރުމަށް އެދިފައިވާނަމަ، އެ ހާލަތުގައި އެޑްވާންސަށް ފައިސާ ދޫކުރެވޭނީ، މިނިސްޓަރަށް ލިޔުމުން ހުށަހަޅައި، މިނިސްޓަރު ލިޔުމުން ދޫކުރާ ހުއްދަޔާއެކުގައެވެ.

(ނ) އެއްފަހަރާ ފައިސާ ދައްކައިގެން ނޫނީ ލިބެންނެތް މުދަލާއި ހިދުމަތް ހޯދަންވާނީ، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާގެ ހުއްދަޔާއެކުގައެވެ. ނަމަވެސް، މި ގަވާއިދުގެ ޖަދުވަލު 1 ގެ 1 ވަނަ ނަންބަރުގައިވާ ތާވަލުގައިވާ ދަރަޖަ 2 ގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ ފައިސާގެ އަދަދު ބޮޑުނަމަ، މިނިސްޓަރަށް ލިޔުމަކުން ހުށަހަޅައި، އެކަމަށް ޓަކައި މިނިސްޓަރުގެ ހުއްދަ ލިޔުމުން ހޯދަންވާނެއެވެ.

(ރ) މަސައްކަތް ކޮށްދޭ، ނުވަތަ ހިދުމަތް (ކޮންސަލްޓެންސީ ފިޔަވައި) ނުވަތަ ތަކެތި ފޯރުކޮށްދޭ ފަރާތަށް އެޑްވާންސް ފައިސާ ދޭނީ، އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް އެ ފަރާތަކުން ހުށަހެޅުމުންނެވެ. މި އެޑްވާންސް ޕޭމަންޓް ގެރެންޓީ ވާންޖެހޭނީ، ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ބޭންކަކުން ނުވަތަ ފައިނޭންށަލް އިންސްޓިޓިއުށަނަކުން، ނުވަތަ އެފަދަ ފަރާތަކާއެކު ކޮރެސްޕޮންޑިން ބޭންކިންގ އެރޭންޖްމަންޓެއް ހަދައިފައިވާ ބޭންކަކުން ނުވަތަ ފައިނޭންށަލް އިންސްޓިޓިއުށަނަކުން އެ ކަމަކަށް ދޫކޮށްފައިވާ ގެރެންޓީއަކަށެވެ.

(ބ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަވާލުކުރާ މަށްރޫއުތަކުގައި، މި މާއްދާގެ (ރ) އަށް އަމަލުކުރުން އިސްތިސްނާ ކުރެވޭނީ، މިނިސްޓަރަށް ހުށަހަޅައި، މިނިސްޓަރުގެ ހުއްދަ ލިޔުމުން ހޯދައިގެންނެވެ.

 

10.62 ވަނަ މާއްދާ - ރިޓެންށަން ފައިސާ އަގުން އުނިކުރުމާއި، އެ ފައިސާ އަނބުރާ ދޫކުރުން

(ހ) ހިދުމަތާއި ތަކެތި ހޯދުން ފިޔަވައި، ކުރުވާ މަސައްކަތުގެ އަގު، މި ގަވާއިދުގެ ޖަދުވަލު 1 ގެ 6 ވަނަ ނަންބަރުގައިވާ ތާވަލުގެ 3 ވަނަ ނަންބަރުގައިވާ މިންގަނޑަށްވުރެ ބޮޑުވާނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިޓެންށަން ފައިސާ އުނިކޮށް، އެ ފައިސާ އަނބުރާ ދޫކުރަންވާނެއެވެ.

  1. ހުށަހަޅާ ކޮންމެ ބިލަކުން، ބިލުގެ ޖުމުލަ އަގުގެ 5% (ފަހެއް އިންސައްތަ) ކެނޑުން؛
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތަށް ރިޓެންށަން ފައިސާ ކެނޑުމަށްފަހު، ކޮންޓްރެކްޓުގައިވާ ގޮތުގެ މަތީން، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ފައިސާ އަނބުރާ ދޫކުރުން؛
    2.1 ބީލަމުގެ ޖުމުލަ އަގު، މި ގަވާއިދުގެ ޖަދުވަލު 1 ގެ 6 ވަނަ ނަންބަރުގައިވާ ތާވަލުގެ 3.1 ވަނަ ނަންބަރުގައިވާ މިންގަނޑަށް ފެތޭ ނަމަ، މަސައްކަތް ނިމޭތާ 6 (ހައެއް) މަސްދުވަސްވުމުން އަނބުރާ ދިނުން.
    2.2 ބީލަމުގެ ޖުމުލަ އަގު، މި ގަވާއިދުގެ ޖަދުވަލު 1 ގެ 6 ވަނަ ނަންބަރުގައިވާ ތާވަލުގެ 3.2 ވަނަ ނަންބަރުގައިވާ މިންގަނޑަށް ފެތޭނަމަ، މަސައްކަތް ނިމޭތާ 12 (ބާރަ) މަސްދުވަސް ވުމުން އަނބުރާ ދިނުން.
    2.3 މި މާއްދާގެ 2.1 އާއި 2.2 ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރިޓެންށަން ފައިސާގެ އަދަދަށްވާ ސެކިއުރިޓީއެއް ހުށަހަޅައިފިނަމަ، މަސައްކަތް ނިމުމުން ރިޓެންށަން ފައިސާ ދޫކުރުން.
  3. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ރިޓެންށަންގެ ގޮތުގައި އުނިކުރަންޖެހޭ މިންވަރަށް ސެކިއުރިޓީއެއް ހުށަހަޅައިފިނަމަ، ހުށަހަޅާ ބިލްތަކުން ރިޓެންށަނަށް ފައިސާ އުނިނުކޮށް ފައިސާ ދޫކުރެވިދާނެއެވެ. މިގޮތުން ހުށަހަޅާ ސެކިއުރިޓީ ވާންޖެހޭނީ، މިނިސްޓްރީއަށް ބަލައިގަނެވޭފަދަ ސެކިއުރިޓީއަކަށެވެ.

(ށ) ކޮންޓްރެކްޓް އުސޫލުން ކުރުވާ މަސައްކަތްތައް ނިންމުމަށްފަހު ކަނޑައަޅައިފައިވާ މުއްދަތު (ރިޓެންށަން މުއްދަތު) ގައި އެ ކަމަކަށް ދިމާވާ މައްސަލަތައް ކޮންޓްރެކްޓަރު ރަނގަޅުކޮށްދޭންވާނެއެވެ. ރިޓެންށަން ފައިސާ ބަހައްޓަން ކަޑައަޅައިފައިވާ މުއްދަތު ހަމަވުމަށްފަހު އެ ފައިސާ ދޭންވާނީ، އެހައިތަނަށް ރަނގަޅުކުރަންޖެހޭ ހުރިހާ ކަމެއް ރަނގަޅުކުރުމުންނެވެ.

(ނ) ދިމާވާ މައްސަލަތައް ކޮންޓްރެކްޓަރ ހައްލުކޮށްފައިނުވާ ހާލަތުގައި، އަދި އެ މައްސަލަތައް ހައްލުކުރުމަށް ހިނގާ ހަރަދު ރިޓެންށަން ފައިސާއަށްވުރެ އިތުރުވާނަމަ، އެ ފައިސާއަކީ ކޮންޓްރެކްޓަރ ދައްކަންޖެހޭ ފައިސާއެކެވެ.

 

10.63 ވަނަ މާއްދާ - ނިމޭ މަސައްކަތަށް އަގު ދިނުން

(ހ) ކުރުވާ މަސައްކަތުގެ ނުވަތަ ހޯދާ ހިދުމަތުގެ އަގު، މި ގަވާއިދުގެ ޖަދުވަލު 1 ގެ 6 ވަނަ ނަންބަރުގައިވާ ތާވަލުގެ 4 ވަނަ ނަންބަރުގައިވާ މިންގަނޑަށްވުރެ ބޮޑުވާނަމަ، އެ މަސައްކަތެއްގެ ނުވަތަ ހިދުމަތެއްގެ ނިމުނު ބައެއްގެ އަގު ހޯދުމަށް ވަކިވަކި ބިލު ހުށަހެޅިދާނެއެވެ. މިގޮތުން މި ގަވާއިދުގެ ޖަދުވަލު 1 ގެ 6 ވަނަ ނަންބަރުގައިވާ ތާވަލުގެ 4.1 ވަނަ ނަންބަރުގައިވާ މިންގަނޑަށް ފެތޭނަމަ، އެ މަސައްކަތަކުން ނުވަތަ ހިދުމަތަކުން ނިމުނު ބައެއްގެ އަގު ހޯދުމަށް ވަކިވަކި ބިލު ހުށަހެޅުމުން، އެ ކަމެއް ކޮށް ނިންމައިފައިވާކަމަށް، އެ ކަމެއް ކުރަމުންދާގޮތް ބެލުމާ ހަވާލުކޮށްފައިވާ އިންޖިނޭރަކު، ނުވަތަ ކޮންސަލްޓަންޓަކު، ނުވަތަ އެ މަސައްކަތެއް ސުޕަވައިޒްކުރުމާ ހަވާލުވެހުރި ފަރާތަކުން، ނުވަތަ ޕްރޮޖެކްޓް މެނޭޖަރު ސޮއިކުރުމުން، އެ ބިލެއްގެ ފައިސާ ދެވިދާނެއެވެ.

(ށ) ކުރުވާ މަސައްކަތުގެ ނުވަތަ ހޯދާ ހިދުމަތުގެ އަގު، މި ގަވާއިދުގެ ޖަދުވަލު 1 ގެ 6 ވަނަ ނަންބަރުގައިވާ ތާވަލުގެ 4.2 ވަނަ ނަންބަރުގައިވާ މިންގަނޑަށް ފެތޭނަމަ، އެ މަސައްކަތަކުން ނުވަތަ އެ ހިދުމަތަކުން ނިމުނު ބައެއްގެ އަގު ހޯދުމަށް ވަކިވަކި ބިލު ހުށަހެޅުމުން އަގު ދެވޭނީ، ޕްރޮޖެކްޓް ކޮންސަލްޓަންޓް ނުވަތަ އެ މަސްއޫލިއްޔަތު މަތިކޮށްފައިވާ ފަރާތުގެ ރިޕޯޓެއް (އިންޓަރިމް ސެޓްފިކެޓް) ތައްޔާރުކޮށްފައި، އެ ރިޕޯޓު ހުށަހެޅުމުންނެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތީން އަގު ދެވޭނީ، އެ ބިލެއްގެ ޖުމުލަ އަގުގެ ތެރެއިން އެޑްވާންސް ފައިސާއާއި، ރިޓެންށަނަށް ނިސްބަތުންޖެހޭ އަދަދު އުނިކުރުމަށްފަހުގައެވެ. އަދި މިނޫން ފައިސާއެއް ވެސް އުނިކުރަންޖެހޭނެކަމަށް އެގްރީމެންޓުގައި އެއްބަސްވެފައިވާނަމަ، ބިލުގެ ފައިސާ ދޭންވާނީ، އެފަދަ ފައިސާ ވެސް ކަނޑައިފައެވެ.

 

10.64 ވަނަ މާއްދާ - ކޮންޓްރެކްޓުގައިވާ މަސައްކަތް ބަލައިގަތުން

ދައުލަތުގެ އޮފީސްތަކުން ހަވާލުކުރާ މަސައްކަތްތަކާއި، ހޯދާ ހިދުމަތްތަކާއި، ގަންނަ ތަކެތި ބަލައިގަންނަންވާނީ، އެގްރީމެންޓުގައިވާ ގޮތުގެ މަތީން އެ ކަންތައް ކޮށް ނިންމުމުންނެވެ. އެގްރިމެންޓާ ހިލާފަށް ކޮށްފައިވާ ކަންތައްތަކާއި ވިއްކައިފައިވާ ތަކެތި ބަލައިގަނެގެން ނުވާނެއެވެ. އެ ކަމެއްގެ ނުވަތަ އެ އެއްޗެއްގެ ފެންވަރު ރަނގަޅުނޫންނަމަ، އެ ކަމެއް ރަނގަޅުކުރުމަށް ނުވަތަ އެ އެއްޗެއް ބަދަލުކުރުމަށް އެ ފަރާތަކަށް އަންގާނީއެވެ. މިކަމަށް ދައުލަތުން އެއްވެސް ހަރަދެއް ކޮށްގެން ނުވާނެއެވެ.

 

10.65 ވަނަ މާއްދާ - ލިކުއިޑޭޓެޑް ޑެމޭޖަސް (ކޮންޓްރެކްޓްކޮށްގެން ހަވާލުކުރި މަސައްކަތް މުއްދަތަށްވުރެ ލަސްވުމުން ލިބުނު ގެއްލުމުގެ އަގު) ކަނޑައެޅުން

(ހ) އެގްރިމަންޓްކޮށްގެން ހަވާލުކުރާ މަސައްކަތް (ކޮންސަލްޓަންސީ މަސައްކަތް ނުހިމަނައި) ލަސްވަމުންދާނަމަ، އެ ލަސްވާ ލަސްވުމުން، އެ ކަމެއް ހަވާލުކުރި ފަރާތަށް ލިބޭ ގެއްލުމުގެ އަގު (ލިކުއިޑޭޓެޑް ޑެމޭޖަސް) އެ ކަމެއް ހަވާލުވި ފަރާތުން ދޭންޖެހޭނެއެވެ. އެ ގެއްލުމުގެ އަގު ކަނޑައަޅާނީ، ލަސްވާ ކޮންމެ ދުވަހަކަށް، ތިރީގައިވާ ގޮތުގެ މަތީންނެވެ.

  1. ޖުމުލަ އަގު، މި ގަވާއިދުގެ ޖަދުވަލު 1 ގެ 6 ވަނަ ނަންބަރުގައިވާ ތާވަލުގެ 5.1 ވަނަ ނަންބަރުގައިވާ މިންގަނޑަށް ފެތޭނަމަ ފައިސާ ކަނޑާނީ، ޖުމުލަ އަގު 0.005 (ސުމެއް ޕޮއިންޓް ސުމެއް ސުމެއް ފަހެއް) އާ ގުނަކުރުމުން ޖެހޭ އަދަދާއި، މުއްދަތަށްވުރެ އިތުރުވާ ދުވަސްތަކުގެ އަދަދާ ގުނަކުރުމުން ޖެހޭ އަދަދެކެވެ. މި އަދަދު ހޯދާނީ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ.
                                                             (CP*0.005*LD)
    • CP (ކޮންޓްރެކްޓް ޕްރައިސް): ކޮންޓްރެކްޓުގެ ޖުމުލަ އަގު.
    LD (ލޭޓް ޑިއުރޭށަން): ކޮންޓްރެކްޓުގެ މުއްދަތަށްވުރެ އިތުރުވާ ދުވަސްތައް.
  2. ޖުމުލަ އަގު، މި ގަވާއިދުގެ ޖަދުވަލު 1 ގެ 6 ވަނަ ނަންބަރުގައިވާ ތާވަލުގެ 5.2 ވަނަ ނަންބަރުގައިވާ މިންގަނޑަށް ފެތޭނަމަ ފައިސާ ކަނޑާނީ، ޖުމުލަ އަގު 0.0025 (ސުމެއް ޕޮއިންޓް ސުމެއް ސުމެއް ދޭއް ފަހެއް) އާ ގުނަކުރުމުން ޖެހޭ އަދަދާއި، މުއްދަތަށްވުރެ އިތުރުވާ ދުވަސްތަކުގެ އަދަދާ ގުނަކުރުމުން ޖެހޭ އަދަދެކެވެ. މި އަދަދު ހޯދާނީ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ.

(CP*0.0025*LD)

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ލަސްވުމުގެ އަގަށް ދޭންޖެހޭވަރު، މުޅި ކޮންޓްރެކްޓުގެ އަގުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުވެގެން ނުވާނެއެވެ. އެއްވެސް ހާލެއްގައި މުޅި ކޮންޓްރެކްޓުގެ އަގުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ ލިކުއިޑޭޓެޑް ޑެމޭޖަސް އިތުރުވެއްޖެނަމަ، ކޮންޓްރެކްޓުގެ ނުކުރެވި އޮތްބައި ކޮންޓްރެކްޓަރުގެ އަތުން ވަކިކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް މުޅި ކޮންޓްރެކްޓުގެ އަގުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ ލިކުއިޑޭޓެޑް ޑެމޭޖަސް އިތުރުވެއްޖެނަމަ، ކޮންޓްރެކްޓުގެ ނުކުރެވި އޮތްބައި ކޮންޓްރެކްޓަރުގެ އަތުން ވަކި ކުރުމާއިމެދުގޮތެއް ނިންމާނީ، މި ގަވާއިދުގެ 10.05 ވަނަ މާއްދާގެ ދަށުން އެ ޕްރޮކިއުމަންޓަށް ހުއްދަ ދިން ފަރާތުންނެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް މުޅި ކޮންޓްރެކްޓުގެ އަގުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ ލިކުއިޑޭޓެޑް ޑެމޭޖަސް އިތުރުވެގެން ކޮންޓްރެކްޓުގެ ނުކުރެވި އޮތްބައި ކޮންޓްރެކްޓަރުގެ އަތުން ވަކިކޮށްފިނަމަ، ކޮންޓްރެކްޓާ ހިލާފުވި ފަރާތުގެ ޕަރފޯމަންސް ސެކިއުރިޓީ ނުވަތަ އެހެން ސެކިއުރިޓީއެއް ވާނަމަ ދޫނުކޮށް ހިފަހައްޓަންވާނެއެވެ. މިގޮތުން، ހިފަހައްޓާ ސެކިއުރިޓީއަކުން ކޮންޓްރެކްޓަރު ދައްކަންޖެހޭ ލިކުއިޑޭޓެޑް ޑެމޭޖަސް ސެޓްއޮފް ކޮށްގެން ނުވާނެއެވެ.

(ބ) ޖުމުލަ އަގު އެކީ އެއްފަހަރާ ދައްކައިފައިވާ ހާލަތުގައި ވެސް، ލަސްވާ ލަސްވުމަށް އުނިކުރަންޖެހޭ އަދަދު، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކޮންޓްރެކްޓަރުގެ ފަރާތުން ހޯދަންވާނެއެވެ.

 

10.66 ވަނަ މާއްދާ - އަގުން އުނިކުރާގޮތަށް ތަކެތި ދިނުން

(ހ) ބީލަމުގެ މަސައްކަތަށް އަގުން އުނިކުރާގޮތަށް ތަކެތި ދެވޭނީ، ބީލަން ހުޅުވިއިރު އަގުން އުނިކުރާގޮތަށް ތަކެތި ދެވޭގޮތަށް ބީލަންފޮތުގައި ބަޔާންކޮށްފައިވާނަމައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އަގުން އުނިކުރާގޮތަށް ތަކެތި ދީގެން މަސައްކަތެއް ކުރުވާނަމަ، މަސައްކަތްކުރި ފަރާތަށް އަގުދޭނީ، އަގުން އުނިކުރާގޮތަށް ދިން ތަކެތީގެ އަގު ކެނޑުމަށްފަހުގައެވެ.

 

10.67 ވަނަ މާއްދާ - ކޮންޓްރެކްޓަރަށް ކުއްޔަށް ދޫކުރެވޭ ތަކެތީގެ ކުލި ކޮންޓްރެކްޓަރު އަތުން ހޯދުން

(ހ) އަނބުރާ ދައްކާގޮތަށް މެށިނަރީއާއި އިކުއިޕްމަންޓް ދެވެންހުރިނަމަ، މަސައްކަތްކުރާ ފަރާތަށް އެފަދަ ތަކެތި ދޭންވާނީ، އާންމުކޮށް އެފަދަ ތަކެތި ލިބެން ހުންނަ ކުއްޔަކަށެވެ. މިގޮތުން ދީފައިވާ ތަކެތީގެ ކުއްޔަށް ދައްކަންޖެހޭ ފައިސާއާއި، އެ ތަކެތީގެ މަރާމާތަށް ފައިސާއެއް ދައްކަންޖެހޭނަމަ، އެކަމަށް އެ ފަރާތްތަކަށް ގަވާއިދުން ބިލު ފޮނުވައިގެން އެ ފައިސާ ހޯދަންވާނެއެވެ.

(ށ) އަނބުރާ ދައްކާގޮތަށް ދޫކުރި މެށިނަރީއާއި އިކުއިޕްމަންޓުގެ ކުއްޔަށް ދައްކަންޖެހޭ ފައިސާއާއި މަރާމާތަށް ދައްކަންޖެހޭ ފައިސާގެ ބިލުތަކަށް މުއްދަތު ހަމަވާއިރު ފައިސާ ނުދައްކައި އޮތްނަމަ، މަސައްކަތުގެ އަގަށް ދޭންޖެހޭ ފައިސާ ދޭންވާނީ، އެ ފައިސާ ކަނޑައިފައެވެ.

(ނ) ރާއްޖޭގައި ދާއިމީ އޮފީހެއް ނުހުންނަ ބޭރުގެ ފަރާތަކާ ހަވާލުކުރެވޭ މަސައްކަތްތަކުގައި، މަސައްކަތް ނިންމުމަށްފަހު އެ ފަރާތުން ސަރުކާރުގެ އެއްވެސް ފަރާތަކަށް ދޭންޖެހިފައިވާ އެއްޗެއް ނުވަތަ ފައިސާއެއް ހުރިތޯ ބަލައި، އެ ތަކެތި ނުވަތަ އެ ފައިސާ ހޯދައިދިނުމުގައި ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން އެހީތެރިވެދޭންވާނެއެވެ.

 

10.68 ވަނަ މާއްދާ - މަސައްކަތުގެ ތެރޭގައި އަޅަންވާ ރައްކައުތެރިކަމުގެ ފިޔަވަޅުތަކަށް ކޮންޓްރެކްޓަރު ޖާމިނުވުން

ކޮންޓްރެކްޓަރު ޒިންމާ އުފުލަންޖެހޭ ކަންކަމަށް ކޮންޓްރެކްޓަރުގެ ހަރަދުގައި ބަދަލުދޭންވާނެއެވެ. މަސައްކަތް ނިމޭއިރު މިގޮތުން ހަމަނުޖެހި ކަމެއް އޮތްނަމަ، ރިޓެންށަނުގެ ގޮތުގައި ބަހައްޓައިފައިވާ ފައިސާގެ ތެރެއިން އެ ކަމެއް ހަމަޖައްސާނީއެވެ.

 

10.69 ވަނަ މާއްދާ - މަސައްކަތްކުރާ ތަކެތީގެ ފެންވަރު ދަށްވުމުގެ ސަބަބުން ލިބޭ ގެއްލުމަށް ޖާމިނުވެ، ރަނގަޅުކޮށްދިނުން

(ހ) މަސައްކަތުގައި ބޭނުންކުރާ ތަކެތީގެ ފެންވަރު ދަށްވުމުގެ ސަބަބުން ނުވަތަ އެހެންވެސް ގޮތަކުން އިންފްރާސްޓްރަކްޗަރ މަށްރޫއުތަކަށް ލިބޭ ގެއްލުމާއި، ހަލާކުވާ ތަންތަނާއި، ތަކެތި މަރާމާތުކޮށް ރަނގަޅުކުރުމަކީ ކޮންޓްރެކްޓަރުގެ ޒިންމާއެކެވެ.

(ށ) މަސައްކަތުގައި ބޭނުންކުރާ ތަކެތީގެ ފެންވަރު ދަށްވުމުގެ ސަބަބުން ނުވަތަ އެހެންވެސް ގޮތަކުން އިންފްރާސްޓްރަކްޗަރ މަށްރޫއުތަކަށް ލިބޭ ގެއްލުމާއި، ހަލާކުވާ ތަންތަނާއި ތަކެތި މަރާމާތުކޮށް ރަނގަޅުކުރުމަށް، މަސައްކަތް ކުރުވާ އޮފީހުގެ ވެރިޔާ އެންގުމުން، ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި އެ މަސައްކަތް ރަނގަޅުކުރަންވާނެއެވެ. އެ އެންގި އެންގުމަށް އަމަލުނުކުރުމުން، ނުވަތަ އެކަން ގަބޫލުނުކުރުމުން، ސަރުކާރުން އެކަން ރަނގަޅުކޮށް ނިންމުމަށްފަހު، އެކަމަށް ހިނގި ހުރިހާ ހަރަދެއް، ކޮންޓްރެކްޓުގެ އަގުގެ ތެރެއިން ނުވަތަ ރިޓެންށަން ފައިސާގެ ތެރެއިން އުނިކުރަންވާނެއެވެ.

 

10.70 ވަނަ މާއްދާ - އެއްބަސްވުމާ ހިލާފުވުން އަދި ބީލަންވެރިންނާމެދު ފިޔަވަޅުއެޅުން

ކޮންޓްރެކްޓް އުސޫލުން ކުރާ ކަންތައްތަކުގައި، ގަވާއިދާ ހިލާފުވުމާ ގުޅިގެން ކުރާ ކުށްތަކާއި ލިޔެކިޔުމަށް ބަދަލުގެނެސްގެން ކުރާ ކުށްތަކާއި، ނިންމުމަށް އިހުތިރާމްނުކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނީ، މި ގަވާއިދުގެ 11 ވަނަ ބާބާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

10.71 ވަނަ މާއްދާ - މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުއާމަލާތެއް ހިންގުން

(ހ) ދައުލަތުގެ އޮފީހަކަށް، އެ ތަނެއްގެ ޕްރޮކިއުމަންޓާއި ފައިސާއާއި ހިސާބުތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ މުވައްޒަފަކާ ނުވަތަ ޕްރޮކިއުމަންޓާ ގުޅޭ މައުލޫމާތާއި ށަރުތުތައް އެކުލަވައިލާ މުވައްޒަފަކާ ނުވަތަ އެ އޮފީހެއްގެ އެގްޒެކެޓިވް ލެވެލްގެ މުވައްޒަފަކާ ގުޅުންހުރި ވިޔަފާރިއަކުން އެ ތަނަކަށް އެއްޗެއް ގަންނަންވާނީ، ނުވަތަ މަސައްކަތެއް ކުރުވަންވާނީ، ނުވަތަ ހިދުމަތެއް ހޯދަންވާނީ، މިނިސްޓްރީން އާންމުކުރާ އުސޫލާ އެއްގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުވައްޒަފަކާ ގުޅުންހުރި ތަނެއްކަމަށް ބެލެވޭނީ، މި ގަވާއިދުގެ 19.01 ވަނަ މާއްދާގެ (ހ) ގައި، "ކްލޯޒް ރިލޭޓިވް" ނުވަތަ "ކްލޯޒް އެސޯސިއޭޓް" ކަމަށް މާނަކޮށްފައިވާ ފަރާތެއް ނުވަތަ އެފަދަ ފަރާތެއްގެ ތަނެއް ހިމެނޭ ގޮތަށެވެ.

 

10.72 ވަނަ މާއްދާ - ދައުލަތުގެ ޕްރޮކިއުމަންޓުގައި އިސްކަންދިނުމުގެ ސިޔާސަތު ކަނޑައެޅުން

އިގްތިސާދީގޮތުން ނުވަތަ އިޖުތިމާއީގޮތުން ނުވަތަ އެހެނިހެން ގޮތަކުން ލިބިދާނެ ފައިދާއަކަށް ރިއާޔަތްކޮށް، ދައުލަތުގެ ޕްރޮކިއުމަންޓުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި އަމަލުކުރާނެ ގޮތުގެ ސިޔާސަތުތަކެއް، ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ލަފަޔާއެކު، ވަޒީރުންގެ މަޖިލީހަށް ކަނޑައެޅިދާނެއެވެ. މިގޮތުން، ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތަށް މިނިސްޓްރީން އެކުލަވައިލާ އުސޫލުތަކަށް އަމަލުކުރަން ފަށާނީ، މިނިސްޓްރީން އެ އުސޫލުތައް އެކުލަވައިލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

ބާބު 11

ޕްރޮކިއުމަންޓުގެ މައްސަލަ ބެލުމާއި ފިޔަވަޅުއެޅުން

 

11.01 ވަނަ މާއްދާ - ބީލަމެއްގައި ގަވާއިދާ ހިލާފަށް ކުރާ ކަންތައްތައް ބެލުން

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ދަށުން ހުޅުވައިލެވޭ ބީލަންތައް ކުރިޔަށް ގެންދިއުމުގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މި ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ބީލަންވެރިޔަކަށް ގަބޫލުކުރެވިއްޖެނަމަ، އެ ފަރާތަކުން، އެ މައްސަލަ ބެލުމަށް، ތިރީގައިވާ ގޮތުގެ މަތީން ހުށަހެޅިދާނެއެވެ.

 

11.02 ވަނަ މާއްދާ - ބީލަމަކާ ގުޅިގެން މައްސަލަ ހުށަހެޅުން

(ހ) ބީލަމެއް ވަކި ފަރާތަކާ ހަވާލުކުރުމުގެ ކުރިން އެ ބީލަމަކާ ގުޅިގެން މައްސަލައެއް އޮތްނަމަ، މި ގަވާއިދުގެ 10.45 ވަނަ މާއްދާގެ (ކ) ގައިވާ މުއްދަތުގެ ތެރޭގައި، ތިރީގައިވާ ފަރާތަކަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ.

  1. ނޭށަނަލް ޓެންޑަރއިން އިއުލާނުކުރާ ބީލަމަކާ ގުޅިގެން މައްސަލަ ހުށަހަޅާނީ، ނޭށަނަލް ޓެންޑަރގެ ޕްރޮކިއުމަންޓް އޮފިސަރަށެވެ.
  2. ދައުލަތުގެ އޮފީހަކުން އިއުލާނުކުރާ ބީލަމަކާ ގުޅިގެން މައްސަލަ ހުށަހަޅާނީ، އެ ބީލަމެއް އިއުލާނުކުރި ދައުލަތުގެ އޮފީހެއްގެ ޕްރޮކިއުމަންޓް އޮފިސަރަށެވެ.

(ށ) ހުށަހެޅުނު މައްސަލައެއް، އެ މައްސަލަ ހުށަހެޅި ފަރާތުން އަނބުރާ ގެންގޮސްފައި ނުވާނަމަ، ނުވަތަ މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވާ ފަރާތުން ވާހަކަދައްކައިގެން އެ މައްސަލައެއް ހައްލުނުކުރެވޭ ހިނދެއްގައި، ޕްރޮކިއުމަންޓް އޮފިސަރު އަމަލުކުރާނީ، ތިރީގައިމިވާ ގޮތުގެ މަތީންނެވެ.

  1. ބީލަމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކަކަށް، ބީލަމާ ގުޅޭގޮތުން މައްސަލައެއް ހުށަހެޅިފައިވާކަމާއި، ހުށަހެޅިފައިވަނީ ކޮން ބާވަތެއްގެ މައްސަލައެއްކަން ލިޔުމުން އެންގުން؛
  2. މައްސަލަ ވަކިގޮތަކަށް ނުނިމެނީސް މަސައްކަތް ހަވާލުނުކުރާކަން ކަށަވަރުކުރުން؛ 
  3. މައްސަލަ ހުށަހަޅާ ތާރީހުން ފެށިގެން، ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި، އެ ބީލަމެއް އެވޯޑްކުރި ފަރާތަށް ހުށަހަޅައި، އެ ފަރާތުން މައްސަލަ ބަލައި ނިންމިގޮތް، މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން އެންގުން. މި މުއްދަތުގެ ތެރޭގައި އެވޯޑްކުރި ފަރާތުން މައްސަލަ ބަލައި ޖަވާބެއް ނުދިން ކަމުގައި ވިއަސް، އެކަން ބަޔާންކޮށް، މައްސަލަ ހުށަހެޅި ފަރާތަށް، ޕްރޮކިއުމަންޓް އޮފިސަރ އަންގަންވާނެއެވެ.

(ނ) މައްސަލަ ބަލައި ނިމުމުން، އެ މައްސަލަ ނިންމި ގޮތް، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ ބީލަމުގައި ބައިވެރިވި ފަރާތްތަކަށް، ލިޔުމަކުން އަންގަންވާނެއެވެ.

  1. މައްސަލަ އެއްކޮށް ނުވަތަ މައްސަލައިގެ ބައެއް ގަބޫލުކުރިކަން ނުވަތަ މައްސަލަ ގަބޫލުނުކުރާކަން؛
  2. މައްސަލަ ނިންމި ގޮތް؛ 
  3. މައްސަލައިގައި ކަމެއް ރަނގަޅުކުރުމަށް ނިންމިނަމަ، އެ ކަމެއް ރަނގަޅުކުރުމުގެ ގޮތުން އަޅަން ނިންމި ފިޔަވަޅެއް.

 

11.03 ވަނަ މާއްދާ - ޕްރޮކިއުމަންޓް އެޕީލް ބޯޑަށް މައްސަލަ ހުށަހެޅުން

ބީލަމުގެ ކަމެއް ހިނގައިދިޔަ ގޮތާމެދު ހިތްހަމަނުޖެހިގެން ހުށަހަޅާ މައްސަލައެއް ޕްރޮކިއުމަންޓް އޮފިސަރު ބަލައި ނިންމި ގޮތާމެދު، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުންކުރެ ކަމަކާމެދު ހިތްހަމަނުޖެހިއްޖެނަމަ، އެ މައްސަލައެއް އަލުން ބަލައިދިނުމަށް އެދި ހުށަހެޅުމުގެ ހައްގު، ޕްރޮކިއުމަންޓް އޮފިސަރަށް މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ. އަދި ޕްރޮކިއުމަންޓް އޮފިސަރުގެ ނިންމުމާ ގުޅިގެން ބީލަން ކާމިޔާބުވާ ފަރާތް ބަދަލުވާ ހާލަތުގައި، ފުރަތަމަ ބީލަން ކާމިޔާބުކުރި ފަރާތަށް ވެސް ޕްރޮކިއުމަންޓް އެޕީލް ބޯޑަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ލިބިގެންވެއެވެ. މިގޮތުން، އަލުން ބެލުމަށް ހުށަހަޅާ މައްސަލަތައް ހުށަހަޅާނީ، ޕްރޮކިއުމަންޓް އެޕީލް ބޯޑަށް އެޑްރެސްކޮށް މިނިސްޓްރީއަށެވެ.

(ހ) ޕްރޮކިއުމަންޓް އޮފިސަރަށް ހުށަހަޅައިފައިވާ މައްސަލައެއް ބަލައި ނިންމުމުގައި، ތިރީގައިވާ ހާލަތްތަކުންކުރެ ހާލަތެއް އޮތްކަމަށް މައްސަލަ ހުށަހެޅި ފަރާތަށް ގަބޫލުކުރެވުން.

  1. ޕްރޮކިއުމަންޓް އޮފިސަރަށް މައްސަލަ ހުށަހަޅާތާ ރަސްމީ ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި ޕްރޮކިއުމަންޓް އޮފިސަރު ވަކިގޮތެއް ނިންމައިފައި ނުވުން؛
  2. ޕްރޮކިއުމަންޓް އޮފިސަރު މައްސަލަ ނިންމި ގޮތާމެދު، މައްސަލަ ހުށަހެޅި ފަރާތުން ހިތްހަމަނުޖެހުން؛
  3. ބީލަންވެރިޔާ މައްސަލައެއް ހުށަހަޅައިފައިވަނިކޮށް އެ މައްސަލައަށް ޖަވާބުނުދީ، އެ ބީލަމަކާ ގުޅޭ ކޮންޓްރެކްޓަށް އަމަލުކުރަން ފެށުން.

(ށ) ބީލަމުގެ ކަމެއް ހިނގައިދިޔަ ގޮތް ބެލުމަށް މިނިސްޓަރަށް ފެނިއްޖެ ހިނދެއްގައި، އެ ބީލަމެއްގެ ކަންކަން ބަލައިދިނުމަށް އެދި ޕްރޮކިއުމަންޓް އެޕީލް ބޯޑަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިނިސްޓަރަށް ލިބިގެންވެއެވެ.

 

11.04 ވަނަ މާއްދާ - ޕްރޮކިއުމަންޓް އެޕީލް ބޯޑުން މައްސަލަ ބެލުމުގައި އަމަލުކުރާނެ ގޮތް

(ހ) މި ގަވާއިދުގެ 11.03 ވަނަ މާއްދާގެ ދަށުން މައްސަލަ އަލުން ބެލުމަށް ޕްރޮކިއުމަންޓް އެޕީލް ބޯޑަށް ހުށަހަޅާނީ، "ޕްރޮކިއުމަންޓުގެ މައްސަލަ އަލުން ބެލުމަށް އެދޭ ފޯމު" މެދުވެރިކޮށް، ޕްރޮކިއުމަންޓް އެޕީލް ބޯޑަށް އެޑްރެސްކޮށް، މިނިސްޓްރީއަށެވެ.

(ށ) ޕްރޮކިއުމަންޓް އެޕީލް ބޯޑަށް ހުށަހެޅޭ މައްސަލައެއް ގަބޫލުކުރެވޭނީ، ޕްރޮކިއުމަންޓް އޮފިސަރު އެ މައްސަލައެއް ނިންމި ދުވަހުން ފެށިގެން ނުވަތަ އެ މައްސަލައެއް ނިންމަންޖެހޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ހުށަހަޅާ މައްސަލަތަކެވެ.

(ނ) ބީލަމަކާ ގުޅޭގޮތުން މައްސަލައެއް އަލުން ބެލުމަށް މި މާއްދާގައިވާ ގޮތުގެ މަތީން ހުށަހެޅުމުން، ތިރީގައިވާ ގޮތަށް އެ މައްސަލައަކާމެދު އަމަލުކުރަންވާނެއެވެ.

  1. އެ މައްސަލައަކާ ގުޅޭ ދައުލަތުގެ އޮފީހަކަށް އެ މައްސަލަ ހުށަހެޅިފައިވާކަމާއި، ބީލަމުގެ މައްސަލަތައް ބަލައި ނިމުމާ ހަމަޔަށް އެ ބިޑެއްގެ ބިޑް ވެލިޑިޓީއާއި، ބިޑް ސެކިއުރިޓީ ދެމެހެއްޓުމަށް އެންގުން؛
  2. މައްސަލަ ހުށަހެޅިއިރު، އެ ބީލަމުގެ މަސައްކަތް ވަކި ފަރާތަކާ ހަވާލުކޮށްފައި ނުވާނަމަ، މައްސަލައާމެދު ވަކިގޮތެއް ނިންމަންދެން އެ ކަމެއް ހަވާލުކުރާނޭ ފަރާތެއް ކަނޑައެޅުން މަޑުޖައްސައިލުމަށް ދައުލަތުގެ އެ އޮފީހަކަށް އެންގުން؛ 
  3. މައްސަލަ ހުށަހެޅިއިރު، އެ ބީލަމުގެ މަސައްކަތް ވަކި ފަރާތަކާ ހަވާލުކޮށްފައިވާނަމަ، މައްސަލައާމެދު ވަކިގޮތެއް ނިންމަންދެން މަސައްކަތް ވަގުތީގޮތުން މެދުކަނޑައިލުމަށް އެ އޮފީހަކަށް އެންގުން.

 

11.05 ވަނަ މާއްދާ - ޕްރޮކިއުމަންޓް އެޕީލް ބޯޑު

(ހ) ޕްރޮކިއުމަންޓް އެޕީލް ބޯޑު އެކުލެވިގެންވަނީ، ޗެއަރޕަރސަނާއެކު 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ. ބޯޑަށް އައްޔަނުކުރަން ބޭނުންވާ ފަރާތްތައް ކަނޑައަޅައި، މެންބަރުން އައްޔަނު ކުރާނީ، މިނިސްޓަރުގެ ލަފަޔާއެކު، ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ޕްރޮކިއުމަންޓް އެޕީލް ބޯޑުގެ ދައުރަކީ 3 (ތިނެއް) އަހަރުދުވަހެވެ.

(ނ) ޕްރޮކިއުމަންޓް އެޕީލް ބޯޑަށް އައްޔަނުކުރާ މެންބަރުން ވާންވާނީ، ފައިނޭންސް ޕްލޭނިންގ، ނުވަތަ އިންޖިނިއަރިންގ، ނުވަތަ އިންފޮރމޭށަން ޓެކްނޮލޮޖީ، ނުވަތަ ގާނޫނީ ދާއިރާ ނުވަތަ ކޮމަރސް ފަދަ ޕްރޮފެށަނަލް ދާއިރާއަކުން މަތީ ތައުލީމު ލިބިފައިވުމާއެކު، އެފަދަ ދާއިރާއަކުން މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށެވެ.

(ރ) މި ގަވާއިދަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން، ސަރުކާރު ބަންދު ނޫން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ޕްރޮކިއުމަންޓް އެޕީލް ބޯޑުގެ ހިންގުމާ ގުޅޭ އުސޫލުތަކާއި އެ ބޯޑުގެ ޖަލްސާތަކާއި ނިންމުންތައް ނިންމުމާ ގުޅޭ އެންމެހައި އުސޫލުތަކާއި ނިންމުންތައް އާންމުކުރުމުގެ އުސޫލުތައް ހިމަނައި ބޯޑުގެ ހިންގާ އުސޫލު އެ ބޯޑުން އެކުލަވައިލައި، އެ އުސޫލު ފާސްކުރަންވާނެއެވެ.

(ބ) ޕްރޮކިއުމަންޓް އެޕީލް ބޯޑުގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ، މިނިސްޓަރު ކަނޑައަޅާ އިދާރީ އިންތިޒާމެއްގެ ތެރެއިންނެވެ.

(ޅ) ޕްރޮކިއުމަންޓް އެޕީލް ބޯޑުގެ މެންބަރުންނާއި ސެކްރެޓޭރިއެޓް ބަލަހައްޓާ މުވައްޒަފު ހިމެނޭގޮތުން، އެ ބޯޑުން ބަލަމުންގެންދާ މައްސަލައާ މަސްލަހަތު ފުށުއަރާ (ކޮންފްލިކްޓް އޮފް އިންޓަރެސްޓް) ކަމެއް އޮތްނަމަ، އެ ކަމެއް ހާމަކުރަންވާނެއެވެ. އަދި މަސްލަހަތު ފުށުއަރާ ފަދަ މައްސަލައެއް ބެލުމުގައި ބައިވެރިވެގެން ނުވާނެއެވެ.

 

11.06 ވަނަ މާއްދާ - ޕްރޮކިއުމަންޓް އެޕީލް ބޯޑަށް ހުށަހެޅޭ މައްސަލަތައް ބެލުން

(ހ) ޕްރޮކިއުމަންޓް އެޕީލް ބޯޑަށް ހުށަހެޅިފައިވާ މައްސަލައެއް، މައްސަލަ ހުށަހެޅި ފަރާތުން އަނބުރާ ނުގެންދާނަމަ، ބޯޑުން ކުރަންޖެހޭ ކަންތައްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. އެ މައްސަލައެއް ބޯޑަށް ހުށަހެޅުމާއެކު، އެންމެ އަވަސް ފުރުސަތެއްގައި، މައްސަލަ ބަލަން ފެށުން؛
     
     
     
    (2)
    އެ މައްސަލައެއް ހުށަހެޅޭތާ، ސަރުކާރު ބަންދުނޫން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމައި، މައްސަލަ ނިންމި ގޮތް، މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމަކުން އެންގުން.

(ށ) ހުށަހެޅިފައިވާ މައްސަލައެއް ބެލުމުގައި، ތިރީގައިމިވާ ބާރުތައް ބޯޑަށް ލިބިގެންވެއެވެ.

  1. ހުށަހެޅިފައިވާ މައްސަލައާ ގުޅުންހުރި އެ ޕްރޮކިއުމަންޓާ ގުޅޭ އެންމެހައި މައުލޫމާތާއި، ލިޔެކިޔުންތަކާއި، ރިކޯޑުތަކާއި، ރިޕޯޓުތައް ހޯދައި ބަލައި ޗެކުކުރުމުގެ އިހުތިޔާރު؛
  2. ހުށަހެޅިފައިވާ މައްސަލައާ ގުޅުންހުރި ހެކިން ހާޒިރުކޮށް ހެކިބަސް ނެގުމާއި، ހެކީގެގޮތުގައި ބެލެވޭ އެއްޗެއް އިތުރަށް ދިރާސާކޮށް ބެލުން؛
  3. ހުށަހެޅިފައިވާ މައްސަލައާ ގުޅުންހުރި އޮފީހެއްގެ މައްސަލައާ ގުޅުންހުރި މުވައްޒަފުން ހާޒިރުކޮށް ސުވާލުކޮށް މައުލޫމާތު ހޯދުން؛
  4. ބޯޑަށް ފެނިއްޖެ ހިނދެއްގައި، މައުލޫމާތު ސާފުކޮށްދިނުމަށް ބޯޑަށް މައްސަލަ ހުށަހެޅި ފަރާތް ހާޒިރުވުމަށް އެންގުމުގެ އިހްތިޔާރު. އަދި މިގޮތުން ދެވޭ ފުރުސަތުގައި އޭނާ ބޯޑަށް ހާޒިރުނުވެއްޖެނަމަ، އެ މައްސަލަ އިތުރަށް ނުބަލައި ހުއްޓައިލުމުގެ އިހުތިޔާރު.

(ނ) ހުށަހެޅިފައިވާ މައްސަލަ ބަލައި ނިންމުމަށްފަހު ހުށަހަޅާ ރިޕޯޓުގައި، ތިރީގައިމިވާ ކަންކަން ބަޔާންކުރަންވާނެއެވެ.

  1. މައްސަލަ ދިރާސާކޮށް ބެލުމުން ފާހަގަކުރެވުނު ކަންތައްތައް؛
  2. ހުށަހެޅުނު މައްސަލަ އެއްކޮށް ނުވަތަ މައްސަލައިގެ ބައެއް ގަބޫލުކުރެވިފައިވާކަން ނުވަތަ މައްސަލަ ބާތިލުކުރެވިފައިވާކަން؛
  3. މައްސަލަ ނިންމި ގޮތް؛ 
  4. މައްސަލައާ ގުޅޭގޮތުން ރަނގަޅުކުރަންޖެހޭ ކަންތައްތަކާއި، އެ މައްސަލައަކާ ގުޅިގެން އަޅަން ފެންނަ ފިޔަވަޅު.

 

11.07 ވަނަ މާއްދާ - ބީލަމެއްގެ މައްސަލަ ބަލައި ނިންމުމަށްފަހު ފިޔަވަޅު އެޅުން

ޕްރޮކިއުމަންޓް އެޕީލް ބޯޑުން މައްސަލަ ބަލައި ނިންމުމަށްފަހު، ތިރީގައިމިވާ ފިޔަވަޅުތަކުންކުރެ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެޅިދާނެއެވެ.

(ހ) ދައުލަތުގެ އޮފީހަކުން ނިންމައިފައިވާ ނިންމުމެއް ނުވަތަ ކޮށްފައިވާ އަމަލަކީ ގަވާއިދާ ހިލާފުކަމެއް ކަމަށް ވާނަމަ، އެ ކަމެއް އެއްކޮށް ނުވަތަ ގަވާއިދާ ހިލާފުވާ ބައެއް ބާތިލުކުރުމަށް ނުވަތަ އަނބުރާ ރުޖޫއަކުރުމަށް އެ އޮފީހަކަށް އެންގުން.

(ށ) ހިނގަމުންދާ ޕްރޮކިއުމަންޓުގެ މަސައްކަތެއް އެއްކޮށް ހުއްޓައިލުމަށް ނުވަތަ ބާތިލުކުރުމަށް އެ އޮފީހަކަށް އެންގުން.

(ނ) ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެ އޮފީހަކަށް އެންގުން.

(ރ) މިނިސްޓްރީއާއި، މަށްރޫއަށް ބަޖެޓުދޭ ފަރާތް ނުވަތަ ފައިސާދޭ ފަރާތުންނާއި، ގާނޫނު ތަންފީޒުކުރާ ތަންތަނުން އަޅަންޖެހޭ ވަކި ފިޔަވަޅެއް އޮތްނަމަ، އެ ފިޔަވަޅެއް އެޅުމަށް އެކަމަކާބެހޭ ފަރާތަށް އެންގުން.

 

11.08 ވަނަ މާއްދާ - ޕްރޮކިއުމަންޓް އެޕީލް ބޯޑުގެ ނިންމުންތަކަށް އަމަލު ކުރުން

ބީލަމުގެ މައްސަލައަކާ ގުޅިގެން ޕްރޮކިއުމަންޓް އެޕީލް ބޯޑުން ވަކި ކަމެއް ވަކި ގޮތަކަށް ނިންމައިފިނަމަ، އެ ނިންމުމެއް ރައްދުވާ ފަރާތަކުން އެ ނިންމުމާ އެއްގޮތަށް އަމަލުކޮށް ތަންފީޒުކުރަންވާނެއެވެ.

 

11.09 ވަނަ މާއްދާ - ޕްރޮކިއުމަންޓް އެޕީލް ބޯޑުގެ ނިންމުންތައް އަލުން ބެލުން

ޕްރޮކިއުމަންޓް އެޕީލް ބޯޑުން ނިންމައިފައިވާ ނިންމުމެއް އެ ބޯޑަށް އަލުން ބެލޭނީ، އެ މައްސަލައެއް އަލުން ބެލުމަށް މިނިސްޓަރު ހުށަހެޅުމުން، އެ މައްސަލައިގެ ތަބީއަތަށް ރިއާޔަތްކުރާއިރު ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތަކަށް ފެތޭ ނަމައެވެ.

(ހ) އެ މައްސަލަ ނިންމުމުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ނިންމައިފައިވާކަމަށް ފެނުން.

(ށ) މައްސަލަ ނިންމާފަހުން އައު ހެކި ލިބިއްޖެނަމަ، އެ ހެއްކަށް ރިއާޔަތްނުކުރުމުގެ ސަބަބުން، ނުވަތަ އެ ނޫންވެސް އެހެން ސަބަބަކާހުރެ، ފާޅުކަން ބޮޑު ބޭއިންސާފެއް ފެންނަން އޮތުން.

 

11.10 ވަނަ މާއްދާ - މައްސަލަ ބަލަމުންދާއިރު ބީލަމުގެ މަސައްކަތް އެވޯޑްކުރުން މަނާކުރުން

ދައުލަތުގެ އޮފީހަކަށް ބީލަމުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ، ނުވަތަ ޕްރޮކިއުމަންޓް އެޕީލް ބޯޑަށް މައްސަލައެއް ހުށަހެޅިއްޖެނަމަ، އެ ޕްރޮކިއުމަންޓެއް ކުރިޔަށްގެންދާ ފަރާތަކުން، ތިރީގައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

(ހ) މި ގަވާއިދުގެ 11.02 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ އޮފީހަކަށް އެ މައްސަލައެއް ހުށަހެޅިއްޖެނަމަ، އެ މައްސަލައެއް ބަލައި ނިންމުމަށްފަހު، މައްސަލަ ހުށަހެޅި ފަރާތަށް އެކަން އަންގާތާ، ސަރުކާރު ބަންދުނޫން 3 (ތިނެއް) ދުވަސް ހަމަވުމުން ނޫނީ މަސައްކަތް އެއްވެސް ފަރާތަކާ ހަވާލުނުކުރުން.

(ށ) މި ގަވާއިދުގެ 11.03 ވަނަ މާއްދާގެ ދަށުން ޕްރޮކިއުމަންޓް އެޕީލް ބޯޑަށް މައްސަލައެއް ހުށަހެޅިއްޖެނަމަ، އެ މައްސަލައެއް ބަލައި ނިންމުމަށްފަހު، މައްސަލަ ހުށަހެޅި ފަރާތަށް އެކަން އެންގުމުން ނޫނީ އެއްވެސް ފަރާތަކާ މަސައްކަތް ހަވާލުނުކުރުން.

 

11.11 ވަނަ މާއްދާ - ބީލަންވެރިންނާއި ސަޕްލަޔަރުން ސަސްޕެންޑްކުރުން

ބީލަމުގެ މައްސަލައަކާ ގުޅިގެން، އެ ބީލަމުގައި ބައިވެރިވި ފަރާތްތައް ނުވަތަ ސަޕްލަޔަރުން ދައުލަތުގެ ޕްރޮކިއުމަންޓުތަކުގައި ވަކި މުއްދަތަކަށް ބައިވެރިނުވެވޭގޮތަށް މި ގަވާއިދުގެ ދަށުން ސަސްޕެންޑްކުރާނީ ޕްރޮކިއުމަންޓް އެޕީލް ބޯޑުންނެވެ.

 

11.12 ވަނަ މާއްދާ - ބީލަމުގައި ބައިވެރިވާ ފަރާތްތައް ސަސްޕެންޑްކުރެވޭ ގޮތްތަކާއި އެޅޭނެ ފިޔަވަޅު

(ހ) ބީލަމުގައި ބައިވެރިވާ ފަރާތްތައް ސަސްޕެންޑްކުރެވޭނީ، ތިރީގައި މިވާ ހާލަތްތަކުގައެވެ.

  1. ބީލަން ހުށަހެޅުމުގައި އަމަލުކުރަންޖެހޭނެކަމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތާ ހިލާފަށް އަމަލުކުރުން؛
  2. ބީލަމުގައި މަކަރާއި ހީލަތް ހެދުން؛
  3. ނަހަމަ މަންފާއެއް ލިބިގަތުމަށް ކަމާ ގުޅުންހުރި މުވައްޒަފަކާއެކުގައި މަސައްކަތްކުރުން (ކޮލޫސިވް)؛
  4. ބާރުގެ ބޭނުންކުރުން؛
  5. ބިރުދެއްކުން (ކޮއަރސިވް)؛
  6. ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ހުރަސްއެޅުމުގެ އަމަލުތައް ހިންގުން؛ 
  7. ބީލަމުގެ އަގަށް ނުފޫޒު ފޯރުވުންފަދަ އަމަލެއް ހިންގުން.

(ށ) ދައުލަތުގެ ބީލަމެއްގައި ވަކި މުއްދަތަކަށް ބައިވެރިނުވެވޭގޮތަށް ބީލަންވެރިއެއް ސަސްޕެންޑް ކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތެއް މެދުވެރިވެގެންނެވެ.

  1. ބީލަމަކާ ގުޅޭގޮތުން ދައުލަތުގެ އޮފީހަކަށް ބީލަމުގެ މަރުހަލާގައްޔާއި ކޮންޓްރެކްޓް ކުރިޔަށް ގެންދިޔުމުގައި ސައްހަނޫން ލިޔުންތައް ހުށަހެޅުމާއި، އެފަދަ މައުލޫމާތު ދިނުމާއި، މައުލޫމާތު ފޮރުވުން؛
  2. ބީލަމުގައި އެހެން ފަރާތަކުން ބައިވެރިވުމަށް ހުރަސްއެޅުމާއި، އެހެން ފަރާތަކަށް ބީލަން ލިބޭގޮތަށް މަގުފަހިކުރުމަށް މަސައްކަތްކުރުން؛
  3. ބީލަން ހުށަހެޅުމުގައި އަމަލުކުރަންޖެހޭ ގޮތް ނޫން ގޮތްގޮތަށް އަމަލުކުރުމާއި، ބީލަމުގައި ކޮރަޕްޓް، ފްރޯޑިއުލެންޓް، ކޮލޫސިވް، ކޮއެސިވް އަދި އޮބްސްޓްރަކްޓިވް ޕްރެކްޓިސްގެ އަމަލު ހިންގުމާއި، ބީލަމުގެ އަގަށް ނުފޫޒު ފޯރުވުމާއި، މައުލޫމާތުގެ ސިއްރުކަން ގެއްލޭފަދަ އަމަލެއް ހިންގުން؛
  4. ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދެފަރާތެއް ގުޅިގެން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއް ގުޅިގެން އެ މީހުން އެއްބަސްވާ ވަކި ފަރާތަކަށް މަސައްކަތް ލިބޭނެގޮތަށް މަގުފަހިކުރުމަށް ޓަކައި، ރާވައިގެން އެއިން ކޮންމެ ފަރާތަކުން ހުށަހަޅާ ކޮންމެ ބީލަމަކީ ވެސް އެއްފަރާތް އަނެއް ފަރާތާ ނުގުޅި ހުށަހެޅި ސައްހަ ބީލަންތަކެއްގެ ގޮތުގައި ދެއްކުމަށް ޓަކައި، އެކަށީގެންނުވާ ބޮޑު އަގުތަކެއް، ނުވަތަ ރާވައިފައިވާ ގޮތުގެ މަތީން ކުޑަ އަގުތަކެއް ހުށަހެޅުން؛
  5. ވާދަވެރި ބީލަމެއްކަން ދެއްކުމުގެގޮތުން ތަފާތު މީސްމީހުންގެ ނަމުގައި، ނުވަތަ ކުންފުނިތަކުގެ ނަމުގައި، ނުވަތަ ޕާޓްނަރށިޕެއްގެ ނަމުގައި، ނުވަތަ ވިޔަފާރިކުރާ އެނޫން ތަނެއްގެ ނަމުގައި، އެއްފަރާތަކުން ބީލަން ހުށަހެޅުން؛
  6. ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދެފަރާތަކުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކަކުން ހުށަހަޅައިފައިވާ ބީލަމެއް އަނބުރާ ގެންދިޔުމާއި، ވަކި ފަރާތަކަށް ނަހަމަ ފައިދާތަކެއް ލިބޭގޮތަށް ރާވައިގެން ބީލަން ހުށަހެޅުމާއި، އެފަދަ އެއްބަސްވުމެއްގައި ބައިވެރިވުން؛
  7. ބީލަން ހުށަހަޅާ ފަރާތުން އަމިއްލައަށް ނުވަތަ އެހެން ބަޔަކާ ގުޅިގެން، ރޭވުމެއްގެ ދަށުން އެކި ފަރާތްތަކުގެ މެދުގައިވާ ތަބައީ ވާދަވެރިކަން ނައްތައިލުމަށް މަސައްކަތްކުރުމާއި، ނުވަތަ ވާދަވެރިކަން ކުޑަކުރުމަށް މަސައްކަތްކުރުމުގެ ނަތީޖާއެއްގެގޮތުން އާންމުންނަށް ލިބެންވީ ފައިދާއަށް އުނިކަން ލިބުން؛
  8. ބީލަމެއްގެ ކޮންޓްރެކްޓުގައި ސޮއިކުރުމަށް އިންކާރުކުރުން، ނުވަތަ ބިޑް ވެލިޑިޓީގެ މުއްދަތަކާމެދު އެއްބަސްވެގެން ހުށަހެޅޭ ބީލަންތަކުގައި ބީލަންފޮތުގައި ނުވަތަ ބީލަމުގެ އިއުލާނުގައި ޕަރފޯމަންސް ސެކިއުރިޓީ ހުށަހެޅުމަށް ބަޔާންކޮށްފައިވާ ހިނދެއްގައި އެ ސެކިއުރިޓީ ހުށަހެޅުމަށް އިންކާރުކުރުން؛
  9. އަމިއްލަ ބާރުގެ ދަށުގައިނުވާ ކަމެއް (ގުދުރަތީގޮތުން ދިމާވާ ކަމެއް) މެދުވެރިވެގެން ނޫން ގޮތަކަށް ކޮންޓްރެކްޓުގެ ދަށުން ކޮންމެހެން ކުރަންޖެހޭ ކަމެއް ފުރިހަމަނުކޮށް ދޫކޮށްލުން؛
  10. ކޮންޓްރެކްޓެއް ނުވަތަ ސަބްކޮންޓްރެކްޓެއް ހޯދުމުގެގޮތުން ސައްހަނޫން ލިޔެކިޔުން ހުށަހެޅުން ފަދަ އަމަލެއް ހިންގުން؛
  11. ބީލަމަކާ ގުޅިގެން ކޮންޓްރެކްޓަރު އަމަލުކުރުމަށް ކަނޑައަޅައިފައިވާ ގޮތާ ހިލާފަށް އަމަލުކުރުން. އަދި މި ގަވާއިދުގައިވާ ގޮތުގެ މަތީން އަމަލުކުރުމަށް އަންގާ އެންގުންތަކަށް އަމަލުނުކުރުން؛ 
  12. ކޮންޓްރެކްޓާ ހަވާލުވެ، މަސައްކަތް ވަކި ހިސާބަކަށް ގެންދިޔުމަށްފަހު، އެ ކޮންޓްރެކްޓެއް ދޫކޮށްލުން؛
  13. ކޮންޓްރެކްޓުގައި ސޮއިކުރުމަށްފަހު މަސައްކަތް ނުފަށައި އެ ކޮންޓްރެކްޓް ދޫކޮށްލުން؛
  14. ބީލަން ކާމިޔާބުކުރާ ފަރާތުން އަމަލުކުރުމަށް މި ގަވާއިދުގެ 10.28 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ ކޮންޓްރެކްޓަރަކު އަމަލުނުކުރުން؛ 
  15. އުމްރާނީ ތަރައްގީއާ ގުޅޭ މަސައްކަތްތަކުގައި އެއްބަސްވެފައިވާ ތާވަލާ އެއްގޮތަށް ކޮންޓްރެކްޓަރު މަސައްކަތް ކުރިޔަށް ނުގެންދިޔުން؛
  16. ޕްރޮކިއުމަންޓް އެޕީލް ބޯޑުން ބަލަމުންދާ މައްސަލައެއްގެ ތެރެއިން މި މައްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން 15 ވަނަ ނަންބަރުގެ ނިޔަލަށް ހިމެނޭ ކަމެއް ފާހަގަވުން.

(ނ) އެހެން ގައުމަކުން ނުވަތަ ދައުލަތަށް އެހީދޭ ނުވަތަ ލޯނުދޭ ފަރާތަކުން ސަސްޕެންޑްކޮށްފައިވާ ފަރާތެއް ދައުލަތުގެ ޕްރޮކިއުމަންޓުގައި ބައިވެރިނުވެވޭގޮތަށް ސަސްޕެންޑް ކުރެވިދާނެއެވެ. މިގޮތުން ސަސްޕެންޑް ކުރުމުގައި ބަލާ މިންގަނޑުގެ ތެރޭގައި، އެ ގައުމަކުން ނުވަތަ ޖަމާއަތަކުން ބަލައިފައިވާ މިންގަނޑަކީ އިންސާފުވެރި މިންގަނޑެއްތޯއާއި، ސަސްޕެންޑްކޮށްފައިވާ ފަރާތަށް އެ ފަރާތުގެ ދިފާއުގައި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދީފައިވޭތޯ ބަލަންވާނެއެވެ.

(ރ) ބީލަމުގައި ބައިވެރިވާ ފަރާތެއް ނުވަތަ ސަޕްލަޔަރެއް ސަސްޕެންޑްކުރަންވާނީ، އެ ފަރާތަކުން އެކަމުގެ ދިފާއުގައި މައުލޫމާތު ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތެއް ދިނުމަށްފަހު، އެ މައްސަލައެއް ތަހުގީގުކޮށް ނިމޭއިރު، މި މާއްދާގައި ބަޔާންކޮށްފައިވާ ކަމެއް އެ ފަރާތެއްގެ މައްޗަށް ސާބިތުވާނަމައެވެ.

(ބ) ހުށަހެޅިފައިވާ މައްސަލައިގެ ކުޑަބޮޑުމިނަށާއި އެ ކަމެއްގެ ބާވަތަށް ރިއާޔަތްކޮށް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ސާބިތުވެގެން، ބީލަމުގައި ބައިވެރިވާ ފަރާތެއް ނުވަތަ ސަޕްލަޔަރެއް ޖޫރިމަނާކުރުމަށް، ޕްރޮކިއުމަންޓް އެޕީލް ބޯޑަށް ނިންމިދާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ސާބިތުވެގެން، ބީލަމުގައި ބައިވެރިވާ ފަރާތެއް ނުވަތަ ސަޕްލަޔަރެއް ސަސްޕެންޑް ކުރާނަމަ ސަސްޕެންޑް ކުރެވޭނީ، ގިނަވެގެން 5 (ފަހެއް) އަހަރުދުވަހަށެވެ. މިގޮތުން ސަސްޕެންޑްކުރާނެ މުއްދަތު ކަނޑައަޅާނީ، ހުށަހެޅިފައިވާ މައްސަލައިގެ ކުޑަބޮޑުމިނަށާއި އެ ކަމެއްގެ ބާވަތަށް ރިއާޔަތްކޮށް، ޕްރޮކިއުމަންޓް އެޕީލް ބޯޑުންނެވެ.

(ކ) މި މާއްދާގެ ދަށުން ބީލަމުގައި ބައިވެރިވާ ފަރާތްތަކާއި ސަޕްލަޔަރުންނަށް އެޅޭނެ ފިޔަވަޅުތަކާއި ޖޫރިމަނާ ކުރެވޭނެ ގޮތްތަކާއި ސަސްޕެންޑްކުރާނެ މުއްދަތުތައް ކަނޑައަޅާނެ ގޮތުގެ އުސޫލެއް، މި ގަވާއިދު ށާއިއުކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ޕްރޮކިއުމަންޓް އެޕީލް ބޯޑުން އެކުލަވައިލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

11.13 ވަނަ މާއްދާ - ޕަރފޯމަންސް ސެކިއުރިޓީ ހިފެހެއްޓުން

ކޮންޓްރެކްޓުގައި ސޮއިކުރުމަށްފަހު މަސައްކަތް ނުފަށައި އެ ކޮންޓްރެކްޓް ދޫކޮށްލައިފިނަމަ، ނުވަތަ މަސައްކަތް ފެށުމަށްފަހު ވަކިހިސާބަކުން މަސައްކަތް ފުރިހަމަ ނުކޮށް ދޫކޮށްލާ ހާލަތުގައި، އެ ކޮންޓްރެކްޓަކާ ގުޅިގެން ޕަރފޯމަންސް ސެކިއުރިޓީއެއް ބަހައްޓައިފައިވާނަމަ، އެ ޕަރފޯމަންސް ސެކިއުރިޓީ ފައިސާ ދައުލަތަށް ނަގަންވާނެއެވެ.

 

11.14 ވަނަ މާއްދާ - ބީލަމާ ގުޅިގެން ގަވާއިދާ ހިލާފުވާ މުވައްޒަފުންނާއި އެކަމުގައި ބައިވެރިވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅު

(ހ) ތިރީގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް އަމަލެއް ކޮށްފި ކޮންމެ މުވައްޒަފެއްގެ މައްސަލަ ނިންމާނީ، އެ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، އެ އަމަލެއް ހިންގުމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ އަދަދާ އެއްވަރުގެ އަދަދަކުން ޖޫރިމަނާކޮށްގެންނެވެ. އަދި މިފަދަ އަމަލެއް ގަސްތުގައި ކުރިކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އެ މައްސަލައެއް ތަހުގީގު ކުރުމަށް ހުށަހަޅާނީ، ކަމާބެހޭ އިދާރާއަށެވެ.

  1. ބީލަންތައް ހުޅުވުމަށް ކަނޑައަޅައިފައިވާ ވަގުތުގެ ކުރިން، ބަންދުކޮށްފައިވާ ބީލަން ހުޅުވުމާއި، އިލެކްޓްރޯނިކް ވަސީލަތްތަކުގެ ޒަރީއާއިންނާއި ސިޓީއުރައިގައި ނުވަތަ އެފަދަ އެހެން އެއްޗެއްގައި ބަންދުކޮށްގެން ހުށަހެޅޭ ސިއްރު މައުލޫމާތުތަކާއި ލިޔުންތައް ނުވަތަ އޭގެ ކޮޕީ ނުވަތަ އޭގައި ހިމެނޭ އެއްވެސް މައުލޫމާތެއް އެހެން ފަރާތަކަށް ފޯރުކޮށްދިނުން ނުވަތަ އަމިއްލަ ކަމަކަށް ބޭނުންކުރުން؛
  2. ބިޑު ހުށަހަޅާ ފަރާތަކީ ގާބިލު ފަރާތެއްކަން ނުވަތަ ނޫންކަން ބެލުން މަގުބޫލު އުޒުރެއްނެތި ލަސްކުރުމާއި، ބީލަންތައް ހުޅުވުމާއި ބީލަންތައް ވަޒަންކުރުން އެކަށީގެންވާ ވަރަށްވުރެ ލަސްކުރުމާއި، ބީލަންތައް ކާމިޔާބުކުރި ފަރާތަށް އެކަން އެންގުން ލަސްކުރުމާއި، މަސައްކަތްކުރާ ފަރާތްތަކާ މަސައްކަތް ހަވާލުކުރަން ކަނޑައެޅިފައި އޮންނަ ވަގުތަށްވުރެ ލަސްކުރުން؛
  3. ވަކި ފަރާތަކަށް މަސައްކަތް ހޯދައިދިނުމަށް މަސައްކަތްކުރުމާއި، މިގޮތަށް ކަންތައްތައް ކުރުމަށް ބާރުއަޅައި ނޭށަނަލް ޓެންޑަރ ބޯޑުގައި ހިމެނޭ މެންބަރުންގެ މައްޗަށް ނުވަތަ މުވައްޒަފުންގެ މައްޗަށް ބާރުފޯރުވުމާއި ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން މަސައްކަތްކުރުން؛
  4. މި ގަވާއިދުގައިވާ ގޮތުގެ މަތީން ބީލަމަށް ނުވަތަ ނޭށަނަލް ޓެންޑަރ ބޯޑަށް ހުށަހަޅަންޖެހޭ މަސައްކަތްތައް އެގޮތުގެ މަތީން ހުށަނާޅައި ފަރުޖެއްސުމުގެގޮތުން އެއް މަސައްކަތެއް ތަފާތު އެކިއެކި ބައިބަޔަށް ބަހައިލައިގެން ކުދިކުދި ޕްރޮޖެކްޓުތަކެއްގެ ގޮތުގައި މަސައްކަތް ކުރުވުން؛
  5. މި ގަވާއިދާ ހިލާފަށް ވަކި ފަރާތަކަށް މަސައްކަތް ދިނުމަށް މަގުފަހިކުރުމުގެގޮތުން، އޮފީހުގެ އިސްވެރިޔަކު ނުވަތަ މުވައްޒަފަކު މަގާމުގެ ނުފޫޒު ބޭނުންކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށްތައް މުވައްޒަފަކު ކުރުމުގައި އަމިއްލަ ފަރުދަކު ބައިވެރިވެފައިވާނަމަ، ނުވަތަ އެހީތެރިވެދީފައިވާނަމަ، އެ ފަރާތެއްގެ މައްސަލަ ށަރީއަތަށް ހުށަހެޅުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށްތަކުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ ދައުލަތުގެ މުވައްޒަފުން، އެ މައްސަލަ ނިމެންދެން އެ މުވައްޒަފަކު އަދާކުރާ ވަޒީފާއަށް ނުނިކުންނަގޮތަށް ސަސްޕެންޑްކުރުން.

 

ބާބު 12

ދައުލަތުގެ މުދާ

 

12.01 ވަނަ މާއްދާ - ދައުލަތުގެ މުދާ

(ހ) ދައުލަތުގެ މުދަލަކީ ދައުލަތަށް މިލްކުވެގެންވާ، ނުވަތަ ދައުލަތުގެ ނަމުގައި ވަކި ފަރާތެއްގެ ނުވަތަ މީހެއްގެ ބެލުމުގެ ދަށުގައިވާ އުފުލޭ ނުވަތަ ނޫފުލޭ މުދަލެވެ.

(ށ) ދައުލަތުގެ ބަޖެޓުންނާއި ދައުލަތުން ބަލަހައްޓާ ފަންޑު އެކައުންޓުތަކުން ހަރަދުކޮށްގެން ދައުލަތުގެ އޮފީސްތަކަށް ހޯދާ އެންމެހައި ހަރުމުދަލާއި، އެހީގެ ގޮތުގައި ދައުލަތަށް ލިބޭ ހަރުމުދަލާއި، އެ ނޫން ގޮތްގޮތުން ދައުލަތުގެ އޮފީސްތަކަށް ލިބޭ އެންމެހައި ހަރުމުދަލަކީ ދައުލަތުގެ މިލްކެކެވެ. މިގޮތުން ހޯދާ މުދަލުގެ ތެރެއިން ގާނޫނީގޮތުން ރަޖިސްޓަރީކުރަންޖެހޭ ކޮންމެ މުދަލެއް ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާނަމަ ރަޖިސްޓަރީކުރަންވާނީ، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތީންނެވެ.

 

12.02 ވަނަ މާއްދާ -

އިންށުއަރކުރުން

(ހ) އިންށުއަރކުރާނެ ފަރާތެއް ހޯދަންވާނީ، ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާނުކޮށްގެންނެވެ.

(ށ) އިންށުއަރެންސް ކަވަރޭޖް އެކައުންޓަންޓް ޖެނެރަލް މުތާލިއާކުރަމުން ގެންދަންވާނެއެވެ.

(ނ) އިންށުއަރެންސް ޕޮލިސީ އައުކުރުމުގެ ކުރިން، އިންށުއަރކުރާ މުދަލުގެ އަގާއި މުއްދަތު އިތުރުކުރުމާމެދު ނުވަތަ އުނިކުރުމާމެދު ގޮތެއް ނިންމަންވާނެއެވެ.

(ރ) އިންށުއަރކޮށްފައިވާ ދައުލަތުގެ މުދަލާއި ފައިސާއަށް ލިބޭ ގެއްލުމަކާ ގުޅިގެން، އެ ގެއްލުމުގެ ބަދަލު ހޯދުމުގެ ކަންތައް މިނިސްޓްރީގެ ލަފާގެ މަތީން އެ އޮފީހަކުން ކުރިޔަށް ގެންދަންވާނެއެވެ.

(ބ) އިންށުއަރެންސް ޕޮލިސީއާއި ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާ ލިޔެކިޔުންތައް ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

 

12.03 ވަނަ މާއްދާ - ދައުލަތުގެ ހަރުމުދާ ބެލެހެއްޓުން

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ދައުލަތުގެ ކެޕިޓަލް ބަޖެޓުން ހަރަދުކޮށްގެންނާއި އެހީގެ ގޮތުގައި ލިބޭ ހަރުމުދަލާއި އެ ނޫން ގޮތްގޮތުން ދައުލަތަށް ލިބޭ ހަރުމުދަލާއި، ކެޕިޓަލް ހަރަދުގެ ގޮތުގައި ކުރެވޭ މަސައްކަތްތަކާއި، ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނައިގެން ބަލަހައްޓަންވާނެކަމަށް އެކައުންޓަންޓް ޖެނެރަލް އަންގާ ހުރިހާ މުދަލެއް، ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނައިގެން ބަލަހައްޓަންވާނެއެވެ.

 

12.04 ވަނަ މާއްދާ - ދައުލަތަށް ނެގޭ މުދާ

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދު، ދައުލަތަށް ނަގާ މުދަލާމެދު އަމަލުކުރާނީ، މި ގަވާއިދުގެ ދަށުން މިނިސްޓްރީން އެކުލަވައިލާ އުސޫލާ އެއްގޮތަށެވެ. މި އުސޫލުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) ދައުލަތަށް ނަގާ ފައިސާ ބެލެހެއްޓުން.

(ށ) ދައުލަތަށް ނަގާ މުދާ ބެލެހެއްޓުން.

(ނ) ދައުލަތަށް ނަގާ މުދާ ވިއްކައިލުމާއި ކުއްޔަށް ދިނުން.

(ރ) ދައުލަތަށް ނަގާ މުދާ ވިއްކައިގެން ނުވަތަ ކުއްޔަށް ދީގެން ލިބޭ ފައިސާއާމެދު އަމަލުކުރަންވީ ގޮތް.

 

12.05 ވަނަ މާއްދާ - ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީ ބެލެހެއްޓުން

(ހ) ދައުލަތުގެ ބަޖެޓުގެ ކެޕިޓަލް ހަރަދުގެ އައިޓަމްތަކުން ހަރަދުކޮށްގެން ހޯދާ އެންމެހައި ތަކެއްޗާއި، މަސައްކަތްތަކާއި، ބޭނުންކުރެވޭނެކަމަށް ލަފާކުރާ މުއްދަތު 1 (އެކެއް) އަހަރަށްވުރެ ގިނަވާނަމަ، ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް، މިނިސްޓްރީން އެ ތަކެތި ބަލަހައްޓަންވާނެއެވެ.

(ށ) ދައުލަތުގެ އޮފީހަކަށް އެކި ފަރާތްތަކުން އެހީގެ ގޮތުގައި ލިބޭ ހަރުމުދަލާއި އެނޫން ގޮތްގޮތުން ދައުލަތަށް ލިބޭ ހަރުމުދާ، މިނިސްޓްރީން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް ބަލަހައްޓަންވާނެއެވެ.

(ނ) ކަމާބެހޭ ހާއްސަ ގާނޫނެއްގައި ނުވަތަ އެފަދަ ގާނޫނެއްގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެއްގައި އެހެން ގޮތަކަށް ކަނޑައަޅައިފައިވާ ނުވާހައި ހިނދަކު ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ފަޅުރަށްރަށާއި، ގޮއިފާލައްބައާއި، ހިންނަފަދަ ތަންތަނާއި، ކުޅިއާއި، ފަޅާއި، ފަރުފަދަ ތަންތަނާއި، އެ ތަންތަނާ ގުޅިފައިހުރި މާއްދީ މުދަލުގެ ރަޖިސްޓަރީ، އެ ތަނެއް ހަވާލުވެފައިވާ ދައުލަތުގެ އޮފީހަކުން، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ބަލަހައްޓަންވާނެއެވެ.

(ރ) ދައުލަތުގެ އޮފީސްތަކުން، އެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުރި ހަރުމުދަލުގެ ރަޖިސްޓަރީ ބެލެހެއްޓުމުގެ އިތުރުން، މުޅި ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީއެއް، މިނިސްޓްރީން ބަލަހައްޓަންވާނެއެވެ. މުޅި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ހަރުމުދާ، ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އަގުކޮށް، ބަލަށް ކެނޑުމަށްފަހު ޖެހޭ އަގު ކަނޑައަޅަންވާނެއެވެ.

(ބ) ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމެނޭ ކޮންމެ މުދަލެއްގެ، ތިރީގައިވާ މައުލޫމާތު ފުރިހަމަކޮށް ބަލަހައްޓައިފައި ހުންނަންވާނެއެވެ.

  1. އިންވެންޓްރީ ނަންބަރު ނުވަތަ އެސެޓް ނަންބަރު (1 މޭ 2009 ގެ ފަހުން ހޯދައިފައިވާ އެސެޓް)؛
  2. މުދަލުގެ ފުރިހަމަ ނަމާއި ތަފުސީލު (ބްރޭންޑް، މޮޑެލް، ސީރިއަލް ނަންބަރު، މިން ނުވަތަ ބަރުދަން، މުދަލުގެ ހާލަތު، މަރާމާތެއް ކޮށްފައިވާނަމަ އެ ކަމެއްގެ ތަފުސީލާއި މިނޫންވެސް މުހިންމު މައުލޫމާތު ހިމަނަންވާނެއެވެ.)؛
  3. މުދާ ހުރި ތަން؛
  4. މުދާ ލިބުނު ތާރީހު؛
  5. މުދަލުގެ އަގު (ވަކިވަކިން)؛
  6. އިތުރު މައުލޫމާތު (ފަހުން އަންނަ ބަދަލު އެނގޭގޮތަށް)؛
  7. އިންވެންޓްރީ ނަންބަރު ނުވަތަ އެސެޓް ނަންބަރު (1 މޭ 2009 ގެ ފަހުން ހޯދައިފައިވާ އެސެޓް).

(ޅ) ހަރުމުދަލުގެ ހިސާބު ބަލަހައްޓަންވާނީ، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތީންނެވެ.

 

12.06 ވަނަ މާއްދާ - ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމެނޭ ބައިތައް

(ހ) ދައުލަތު ތަންތަނުގައި ހުންނަ ދައުލަތުގެ މުދަލުގެ ހިސާބުތައް މި ގަވާއިދުގެ 6 ވަނަ ބާބުގައިވާ ގޮތުގެ މަތީން، އެ ތަކެއްޗަށް އަންނަ އުނިއިތުރާއި، ބަލަށްކެނޑިގޮތް (ޑެޕްރިސިއޭށަން) އެނގޭނޭގޮތަށް ލިޔެ ބަލަހައްޓަންވާނެއެވެ.

(ށ) ދައުލަތުގެ ހަރުމުދާ ބަލަށްކެނޑުމުގައި (ޑެޕްރިސިއޭށަން) އަމަލުކުރާނެ އުސޫލެއް، މިނިސްޓަރު ކަނޑައަޅައި، އާންމުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ހިސާބު ބެލެހެއްޓުމަށް ޓަކައި ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމެނޭ ތަކެތި ކެޓަގަރައިޒް ކުރާނީ MG/PR02 ގައިވާ ގޮތުގެ މަތީންނެވެ.

(ރ) ދައުލަތުގެ ހަރުމުދަލުގެ ގޮތުގައި ކެޓަގަރައިޒްކުރެވިގެން ހިސާބު ބެލެހެއްޓުމުގައި، ހަރުމުދަލުގެ އިންވެންޓްރީގެ އެކި ބައިތަކަށް ބައިކުރަންޖެހޭ ގޮތް ތިރީގައި މިވަނީއެވެ.

ކެޓަގަރީ ނަންބަރު 1: ބިންބިމާއި، އިމާރާތްތަކާއި، އެ ބާވަތުގެ މާއްދީ މުދާ

މި ބައިގައި ހިމެނެނީ، ބިންބިމާއި، އިމާރާތްތަކާއި، ވައިގެ ބަނދަރުތަކާއި، ކަނޑުގެ ބަނދަރުތަކާއި، ފެނާއި ނަރުދަމާ ފަދަ ނިޒާމުތަކާއި، ސްޓޭޑިއަމްތަކާއި، ޕާކުތަކާއި، ބުރިޖުތަކާއި، މަގުތައް ފަދަ، މާއްދީ މުދަލެވެ. މިގޮތުން ނަގާ ލިސްޓުގައި، އެ އެއްޗެއް އޮތް ނުވަތަ ހުރި ތަނަކާއި، ބޮޑުމިނާއި، ހަދައިފައިހުރި ގޮތާއި، އަގާއި، އުފެއްދި ނުވަތަ ލިބުނު ތާރީހު އެނގޭނޭގޮތަށް ތަފުސީލުކޮށް ރަޖިސްޓަރީގައި ލިޔެފައި އޮންނަންވާނެއެވެ. މިފަދަ ތަންތަނާއި ތަކެތީގެ ކުރެހުންތަކުގެ އަސްލު އެ އޮފީހެއްގައި ހުންނަންވާނެއެވެ. ކުއްޔަށް ހިފައިފައި ހުންނަ ތަންތަން މީގެ ތެރެއަކު ނުހިމެނޭނެއެވެ.

ކެޓަގަރީ ނަންބަރު 2: ފަރުނީޗަރާއި، ފިކްސްޗަރސްއާއި، ފިޓިންގްސް

މި ބައިގައި ހިމެނެނީ، ގޮނޑި، މޭޒު، އަލަމާރިފަދަ ތަކެއްޗާއި، އިމާރާތުގައި ހަރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން ޕެނަލް ބޯޑު، ފަންގިފިލާ ފަންކާ، ފެންއަޅާ ތާނގީ، ތިޖޫރީފަދަ، ހަލާކުނުކޮށް ނައްޓައިލެވޭގޮތަށް ހަރުކޮށްފައި ހުންނަ ތަކެއްޗެވެ. 

ކެޓަގަރީ ނަންބަރު 3: ޕްލާންޓް، މެށިނަރީ، އިކްއިޕްމަންޓްސް، ސޮފްޓްވެއަރ، އައި.ޓީ )އިންފޯމޭށަން ޓެކްނޮލޮޖީ) އާ ގުޅޭގޮތުން ހޯދާ ހާޑުވެއަރ

މި ބައިގައި ހިމެނެނީ، ޑީސެލިނޭށަން ޕްލާންޓް، އިންޖީނު، އެކިކަހަލަ އިކްއިޕްމަންޓް، ކޮމްޕިއުޓަރ ހާޑްވެއަރއާއި ސޮފްޓްވެއަރ، ސައިންޓިފިކް އިކްއިޕްމަންޓް، އައިސް އަލަމާރި، ދޮންނަ މެށިނު، ފެންމޯޓަރ، އުނދުން، ފޯނު، ވޯކީޓޯކީ ސެޓް، ރޭޑިއޯޓެލެފޯން ސެޓް، ޓީވީ، ލަވަޖަހާ ސެޓް، އެއަރކޮންޑިށަން، ފޮޓޯކޮޕީމެށިން، ޕްރިންޓަރ، ބައިންޑިންގ މެށިން، ލެމިނޭޓިންގ މެށިން، ފައިސާ ގުނާ ނުވަތަ ޗެކުކުރާ މެށިން، ށްރެޑަރ، ކެމެރާ ފަދަ ތަކެއްޗެވެ. 

ކެޓަގަރީ ނަންބަރު 4: ދުއްވާ ތަކެތި

މި ބައިގައި ހިމެނެނީ، އެއްގަމުގައި ދުއްވާ ތަކެއްޗާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި، ވައިގައި ދުއްވާ ބޯޓުފަހަރެވެ. ކަފު ޖަހައިގެން ދަމާ ތަކެއްޗާއި، ޓްރެކްޓަރުގައި ޖަހައިގެން މަސައްކަތްކުރާ ތަކެތި ވެސް މީގެ ތެރޭގައި ހިމެނޭނެއެވެ.

ކެޓަގަރީ ނަންބަރު 5: މަސައްކަތްކުރަން ގެންގުޅޭ ޓޫލްސް، އިންސްޓްރޫމަންޓްސް، އެޕަރޭޓަސް

މި ބައިގައި ހިމެނެނީ، އިންޖީނާއި މެށިން ހެދުމުގެ މަސައްކަތުގައި ބޭނުންކުރާ ޓޫލްސްއާއި، ލެބޯޓަރީފަދަ ތަންތާނގައި ބޭނުންކުރާ ޓޫލްސްއާއި، އެހެނިހެން މަސައްކަތުގައި ބޭނުންކުރާ ހާއްސަ އިންސްޓްރޫމަންޓްތަކެވެ.

ކެޓަގަރީ ނަންބަރު 6: ކޮޕީރައިޓްސް، ޕޭޓަންޓްސް

މި ބައިގައި ހިމެނެނީ، ދައުލަތަށް ހޯދައިފައިވާ ކޮޕީރައިޓްސްއާއި، ޕޭޓަންޓްސްއާއި، ޓްރޭޑްމާކް، އަދި ލައިސަންސާއި މިނޫންވެސް މި ބާވަތުގެ މުދަލުގެ ތަފުސީލެވެ. 

ކެޓަގަރީ ނަންބަރު 7: އާސާރީ ތަންތަނާއި ތަކެތި

މި ބައިގައި ހިމެނެނީ، ދައުލަތުގެ މިލްކުގެގޮތުގައި ހިމެނޭ އެންމެހައި އާސާރީ ތަންތަނާއި، ތާރީހީ ތަންތަނާއި، އެ ތަންތަނުގައި ބަހައްޓައިފައި ހުންނަ އާސާރީ ތަކެއްޗާއި ތާރީހީ ތަކެއްޗެވެ.

ކެޓަގަރީ ނަންބަރު 8: ފަޅުރަށްރަށާއި، ގޮއިފާލައްބައާއި ހިންނަފަދަ ތަންތަނާއި، ކުޅިއާއި ފަޅާއި ފަރުފަދަ ތަންތަނާއި، އެ ތަންތަނާއި އެ ނޫން ތަންތަނުގައި ހުންނަ ދިރޭމުދާ

މި ބައިގައި ހިމެނެނީ، ދައުލަތުން ބަލަހައްޓާ ބިންބިމާއި، ރާއްޖޭގެ ހުރިހާ ފަޅުރަށްރަށާއި ހުރާގަނޑާއި ގޮއިފާލައްބަ ހިންނަފަދަ ތަންތަނާއި، ފަޅުތެރޭގައި ހުންނަ ފިނޮޅުތަކާއި، ރަށްރަށުގައި ހުންނަ ކުޅިތަކާއި، ރަށްރަށާ ވަކިން ހުންނަ ފަރުތަކާއި ފަޅުތަކާއި، މިފަދަ ތަންތަނުގައި ހުންނަ ރުއްގަސް ފަދަ، ދިރޭމުދަލެވެ.

(ބ) ދައުލަތުގެ އޮފީސްތަކުގައި ހުންނަ ހަރުމުދާ ހަމަޔަށް ހުރިތޯ، މަދުވެގެން އަހަރަކު އެއްފަހަރު، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ ކަނޑައަޅާ އުސޫލެއްގެ މަތީން ޗެކުކޮށް ބަލަންވާނެއެވެ. މިގޮތުން ޗެކުކުރާއިރު، ތަކެތި ގިނަދުވަހަށް ދެމެހެއްޓުމަށް ޓަކައި އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިވޭތޯ ބަލަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން ޗެކުކުރުމަށްފަހު، ތަކެއްޗާ ހަވާލުވެހުރި މުވައްޒަފަކާއި ޗެކުކުރި ބަޔަކު، ހަރުމުދާ ޗެކުކުރިކަމުގެ ލިޔުމެއްގައި ސޮއިކުރަންވާނެއެވެ. ޗެކުކުރިއިރު އުނިއިތުރެއްވާނަމަ، އެކަމާމެދު ނިންމި ގޮތް ބަޔާންކޮށް، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ ނުވަތަ އެ އޮފީހެއްގެ އިސްވެރިޔަކު ސޮއިކުރަންވާނެއެވެ.

 

12.07 ވަނަ މާއްދާ - މާލީ އިންވެސްޓްމަންޓްތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން

މާލީ އިންވެސްޓްމަންޓްތަކުގެ ރަޖިސްޓަރީއެއް މިނިސްޓްރީން ބަލަހައްޓަންވާނެއެވެ. މި ރަޖިސްޓަރީގައި، ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) އޮފީހުގެ ނަން.

(ށ) އިންވެސްޓްމަންޓް ފެށި ތާރީހު.

(ނ) އިންވެސްޓްމަންޓުގެ ބާވަތް.

(ރ) އިންވެސްޓްމަންޓުގެ މުއްދަތު ހަމަވާ ތާރީހު.

(ބ) އިންވެސްޓްކޮށްފައިވާ އަދަދު.

(ޅ) އިންވެސްޓްކުރުމަށް ދީފައިވާ ހުއްދަ.

(ކ) ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ލިބޭނެކަމަށް އަންދާޒާކުރާ ފައިދާ.

 

12.08 ވަނަ މާއްދާ - ހިލޭ ލިބޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތް

(ހ) ދައުލަތުގެ އޮފީސްތަކަށް ހިލޭ ލިބޭ ތަކެތީގެ ތެރެއިން ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނަންޖެހޭ ތަކެތި، މި ގަވާއިދުގެ 12.03 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނަންވާނެއެވެ.

(ށ) ދައުލަތުގެ އޮފީސްތަކަށް ހިލޭ ލިބޭ ތަކެތީގެ ތެރެއިން، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނަން ނުޖެހޭ ތަކެތި، މި ގަވާއިދުގެ 12.23 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ސްޓޮކް ހިސާބުތަކުގައި ހިމަނައިގެން ބަލަހައްޓަންވާނެއެވެ.

 

12.09 ވަނަ މާއްދާ - ވިއްކުމަށް ޗާޕުކުރާ ތަކެއްޗާއި، ހިލޭ ލިބޭ ތަކެތި ނައްތައިލުން

(ހ) ދައުލަތުގެ އޮފީސްތަކުން ވިއްކުމަށް ޓަކައި ޗާޕުކޮށްފައިވާ ނުވަތަ ގަނެފައިވާ ނުވަތަ ހިލޭ ލިބިފައިވާ ފޮތްތަކާއި، އެ ނޫން ބާވަތުގެ ތަކެތީގެ ތެރެއިން ވަކި މުއްދަތެއްގައި ވިއްކުމަށްފަހު ބާކީވެގެން ނުވަތަ ނުވިއްކުމަށް ކަނޑައެޅުމުގެ ސަބަބުން ނުވަތަ އެހެން ގޮތަކުންނަމަވެސް ނައްތައިލަން ބޭނުންވާ ތަކެތި ނައްތައިލެވޭނީ، އެ ތަކެތީގެ ސްޓޮކްފޮތުން ދައްކާ އަދަދާއި، ހުރި ތަކެތީގެ އަދަދު ދިމާވޭތޯ ބަލައި ޗެކުކުރުމަށްފަހު، ސްޓޮކް ބަލަހައްޓާ މުވައްޒަފާއި ޗެކުކުރި މުވައްޒަފު ސޮއިކޮށް، އެ ލިޔުން ސައްހަކަމަށް މާލީ ޒިންމާދާރު ވެރިޔާ ސޮއިކުރުމުން، މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ތަކެތި ނައްތައިލެވޭނީ، މި ގަވާއިދާއި، މި ގަވާއިދުގެ ދަށުން އެކުލަވައިލައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

12.10 ވަނަ މާއްދާ - ދައުލަތުގެ މުދާ ހުއްދަކުރެވިގެން ވިއްކުން

(ހ) ދައުލަތުގެ އޮފީސްތަކުން ދައުލަތުގެ މުދާ ވިއްކުމުގައި އަމަލުކުރާނީ، އެކަމަކާ ގުޅުންހުރި ދައުލަތުގެ އޮފީހަކުން މިނިސްޓަރަށް ހުށަހެޅުމުން، މިނިސްޓަރުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިގެންނެވެ.

(ށ) ދައުލަތުގެ މުދާ ވިއްކުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް މިނިސްޓްރީން އެކުލަވައިލައި، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަޔާއެކު ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ އުސޫލު ށާއިއު ކުރުމުން ބަލާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބުނީ ކަމުގައެވެ. މި އުސޫލުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. އުސޫލުގެ ދަށުން ވިއްކޭނެ މުދަލުގެ ތަފުސީލު؛
  2. މުދާ ވިއްކުމަށް ކަނޑައެޅޭނެ ހާލަތްތައް؛
  3. ވިއްކާ މުދަލުގެ އަގު ކަނޑައަޅާނެ ގޮތް؛
  4. ރިޕޯޓު ކުރުން.

 

12.11 ވަނަ މާއްދާ - ދައުލަތުގެ މުދާ ދޫކޮށްލުމާއި، ރަހުނު ކުރުމާއި ނައްތައިލުން

(ހ) ދައުލަތުގެ މުދަލެއް ދޫކޮށްލަންވާނީ، ނުވަތަ ރަހުނުކުރަންވާނީ، ނުވަތަ ނައްތައިލަންވާނީ، އެ ކަންކަން ކުރުމަށް މިނިސްޓަރު ދޭ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ށ) ދައުލަތުގެ މުދަލެއް ދޫކޮށްލުމަށް ނުވަތަ ރަހުނުކުރުމަށް ނުވަތަ ނައްތައިލުމަށް އަމަލުކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކޮށް މިނިސްޓްރީން އުސޫލެއް އެކުލަވައިލައި، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަޔާއެކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަން ވާނެއެވެ. އަދި މި އުސޫލުގައި، އެންމެ މަދުވެގެން ވެސް، އަންނަވި ކަންކަން ހިމަނަންވާނެއެވެ.

  1. ދޫކޮށްލުމަށް ނުވަތަ ރަހުނުކުރުމަށް ނުވަތަ ނައްތައިލުމަށް ބޭނުންވާ މުދަލުގެ ފުރިހަމަ ތަފުސީލު؛
  2. މުދާ ހުރި ތަނަކާއި، މުދާ ބަލަހައްޓަމުންގެންދާ ގޮތް؛
  3. މުދަލުގެ ފުރިހަމަ އަގު؛
  4. މި ކަންކަން ކުރުމަށް ބޭނުންވާ ސަބަބު؛
  5. މި ކަންކަން ކުރުމުގައި، ދައުލަތަށް މަންފާއެއް ނުވަތަ ގެއްލުމެއް ލިބޭނެކަމަށް ފެންނަނަމަ އެ ކަމެއް.

 

12.12 ވަނަ މާއްދާ - ދައުލަތުގެ ތަންތަނާއި ތަކެތި ކުއްޔަށް ދޫކުރުން

(ހ) ދައުލަތުގެ މުދަލެއް (ބިންބިމާއި ރަށްރަށްވެސް ހިމެނޭ ގޮތަށް) ކުއްޔަށް ދޫކުރަންވާނީ، މިކަމާބެހޭ އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އެ މުދާ ކުއްޔަށް ހިފުމަށް ކުރިމަތިލާން އެދޭ އެންމެހައި ފަރާތްތަކަށް ހަމަހަމަ ފުރުސަތު ދެވޭނެ ހާމަކަންބޮޑު ގޮތެއްގެ މަތީންނެވެ. މިގޮތުން، ކުއްޔަށް ދޫކުރުމަށް އިއުލާނު ކުރާއިރު، ކުއްޔަށްދޭނެ ފަރާތެއް ހޮވުމުގައި ޕޮއިންޓް ދޭނެ އުސޫލެއް، އެ އިއުލާނާއެކު ހިމަނައިފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ މުދަލުގެ ތެރޭގައި ހިމެނޭ އެއްވެސް މުދަލެއް (ބިންބިމާއި ރަށްރަށް) ކުއްޔަށް ދޫކުރުމުގައި އަމަލުކުރެވޭ ހާއްސަ ގާނޫނެއް އޮތްނަމަ، އެ ތަނެއް ދޫކުރުމުގައި އަމަލުކުރަންވާނީ، އެ ގާނޫނުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ރައްޔިތުންނަށް އަސާސީ ހިދުމަތެއް ދިނުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް ކަނޑައެޅޭ ދައުލަތުގެ ވަކި މުދަލެއް އާންމުކޮށް އިއުލާނުކޮށްގެން ކުއްޔަށް ދިނުމުން މިނިސްޓަރަށް އިސްތިސްނާ ކުރެވިދާނެއެވެ. މިގޮތަށް އިސްތިސްނާކުރާ ދައުލަތުގެ ތަންތަނާއި ތަކެތީގެ ލިސްޓެއް އެކުލަވައިލަންވާނެއެވެ. އަދި ލިސްޓަށް ގެންނަ އުނިއިތުރު އެނގޭނޭހެން މިނިސްޓްރީން މި ލިސްޓު ބަލަހައްޓަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ކުއްޔަށް ދޫކޮށްފައިވާ ތަންތަނާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުންތަކާ މެދުގައި އަމަލުކުރެވޭނީ ވެސް އެ ގާނޫނަކާއި އެ ގާނޫނެއްގެ ދަށުން އެކުލަވައިލާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ބ) ދައުލަތުގެ ތަނެއް ނުވަތަ އެއްޗެއް ކުއްޔަށް ދޭންވާނީ، ކުއްޔަށް ހިފާ ފަރާތާ ކުއްޔަށް ދޫކުރާ ފަރާތާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގައި، ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ކުއްޔަށް ދޫކުރާ ތަނުގެ ނުވަތަ އެއްޗެއްގެ މައުލޫމާތު؛
  2. ކުއްޔަށް ހިފާ ފަރާތުގެ ފުރިހަމަ މައުލޫމާތު؛
  3. ކުއްޔަށް ދޫކުރާ މުއްދަތާއި، މުއްދަތު އިތުރު ކުރެވޭނެ ގޮތް؛
  4. ކުލި؛
  5. ކުލި ދައްކާނެ ގޮތް؛
  6. މުއްދަތުގައި ކުލި ނުދައްކައިފިނަމަ އަމަލުކުރާނެ ގޮތް؛
  7. އެއްބަސްވުން ބާތިލުނުކޮށް ޖޫރިމަނާގެ ގޮތުގައި އެންމެ ގިނަވެގެން ނެގޭނެ މިންވަރު؛
  8. ކުލި ރިވިއުކުރާނަމަ، ރިވިއުކުރާނެ ގޮތް؛
  9. ކުއްޔަށް ދޫކުރަނީ ތަނެއްނަމަ، އެ ތަނުގައި އިންވެސްޓްކުރުމަށް އެއްބަސްވާ ގޮތް؛
  10. ކުއްޔަށް ހިފާ ފަރާތުގެ އިންވެސްޓްމަންޓަށް ބަދަލުދެވޭނެ ގޮތް؛
  11. އެއްބަސްވުމުގައިވާ ގޮތަށް ކުއްޔާއި ޖޫރިމަނާ ނުދައްއިފިނަމަ، އެއްބަސްވުން ބާތިލުކޮށް، ކުއްޔަށް ހިފި ފަރާތުން އެ ތަނެއް ނުވަތަ އެ އެއްޗެއް އަތުލެވޭނެކަން؛
  12. ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކައިގެން ކުއްޔަށް ހިފާ ފަރާތުން އެ ތަނެއް ވަކިކުރާއިރު، އެހައިތަނަށް ނުދައްކާހުރި ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދާނެ ގޮތް؛
  13. ކުއްޔަށް ދޫކުރާ ތަނުގައި ކުރެވޭނެ މަސައްކަތް؛
  14. ވަކި ބާވަތެއްގެ މަސައްކަތެއް ކުރުމަށް ތަނެއް ކުއްޔަށް ދޭނަމަ، އެ ކަމަކުން އެ މުއްދަތުގައި ހާސިލުކުރަން ބޭނުންވާ މަގުސަދާއި، އެ މަގުސަދު ހާސިލުނުވެއްޖެނަމަ އަޅާނެ ފިޔަވަޅު؛
  15. ވަކި ބާވަތެއްގެ ކަމެއް ކުރަން ދޫކުރާ ތަނެއްނަމަ، އެ ތަނެއްގައި އެ ނޫން ކަމެއް ނުކުރެވޭނެކަން؛
  16. ވަކި ބާވަތެއްގެ ކަމެއް ކުރަން ކުއްޔަށް ދޭނަމަ، އެ ތަނުގައި ކުރާ މަސައްކަތް ބެލުމަށް ނުވަތަ ދިރާސާއެއް ކުރުމަށް ކުއްޔަށް ދޫކުރި ފަރާތަށް އެ ތަނަށް ވަދެވޭނެކަން؛
  17. ކުއްޔަށް ހިފި ތަނެއް ނުވަތަ އެއްޗެއް ދެވަނަ ފަރާތަކަށް ކުއްޔަށް ދެވޭނެ ގޮތް؛
  18. ކުއްޔަށް ދޫކުރާ ތަނެއް ނުވަތަ އެއްޗެއް ދެމެހެއްޓުމަށް ޓަކައި އަޅަންޖެހޭނެ ފިޔަވަޅު؛
  19. ކުއްޔަށް ހިފި އެއްޗަކާ ގުޅިގެން ނުވަތަ ތަނަކާ ގުޅިގެން އެއްވެސް ފަރާތަކަށް ފައިސާއެއް ދައްކަންޖެހޭނަމަ، އެ ފައިސާ ދައްކާނެ ފަރާތެއް؛
  20. ކުއްޔަށް ހިފި އެއްޗަކާ ގުޅޭގޮތުން ނުވަތަ ތަނަކާ ގުޅޭގޮތުން އެއްވެސް ގާނޫނަކުން ކުރަން ލާޒިމުވާ ކަމެއް އޮތްނަމަ، އެ ކަމެއް ކުރާނެ ގޮތަކާއި، އެ ކަމެއް ކުރާނެ ފަރާތެއް؛
  21. އެއްބަސްވުމުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެކަން ހައްލުކުރާނެ ގޮތަކާއި، އަޅާނެ ފިޔަވަޅު؛
  22. ކުއްޔަށް ދޫކުރި އެއްޗެއް ނުވަތަ ތަނެއް، މުއްދަތު ހަމަވެގެން އަނބުރާ ހަވާލުވުމުގައްޔާއި ހަވާލުކުރުމުގައި އަމަލުކުރާނެ ގޮތް؛
  23. ކުއްޔަށް ދޫކޮށްފައިވާ ތަނެއް، މުއްދަތު ހަމަވުމުގެ ކުރިން ދައުލަތުގެ ބޭނުމަކަށް ނަގަން ބޭނުންވެއްޖެނަމަ، ބަދަލު ދިނުމުގެ ކަންތައް ހަމަޖައްސާނެ ގޮތް؛
  24. ވަކި ބާވަތެއްގެ މަސައްކަތެއް ކުރަން ށަރުތުކޮށް ކުއްޔަށް ދޫކުރާ ތަންތަނުގައި ކުރަމުންދާ މަސައްކަތް ހިނގަމުންދާ ގޮތުގެ ރިޕޯޓެއް، ކަނޑައެޅޭ މުއްދަތެއްގައި ތައްޔާރުކޮށްފައި، ކުއްޔަށް ދޫކުރި ފަރާތަށް އެ ރިޕޯޓު ހުށަހެޅުމަށް އެއްބަސްވުމުގައި ހިމެނުން؛
  25. ކުއްޔަށްދޭ ފަރާތުން އިންށުއަރަންސް ހޯދައިފައިވާނަމަ، އެ އިންށުއަރަންސްގެ ފުރިހަމަ މައުލޫމާތު؛
  26. މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުން ފެށިގެން (25) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުންވެސް، ކުއްޔަށް ދޫކުރާ ފަރާތަށް ފެންނަ މުހިންމު ކަންތައްތައް.

(ބ) ދައުލަތުގެ އޮފީސްތަކުން ދުވަހުކުލި ކަނޑައަޅައިގެން ކުއްޔަށް ދޫކުރާ ތަންތަނާއި ތަކެތި ކުއްޔަށް ދޫކުރާނެ އަގުތައް އެ އޮފީހަކުން ކަނޑައެޅުމަށްފަހު، އެ އަގުތައް އާންމުކޮށް ފެންނާނޭހެން އޮންނަންވާނެއެވެ.

(ޅ) ދުވަހުކުއްޔަށް ދޫކުރާ ތަންތަނާއި ތަކެތި، ކުއްޔަށް ދޫކުރުމަށް އާންމުކޮށް އިއުލާނުކުރާކަށެއް ނުޖެހޭނެއެވެ.

 

12.13 ވަނަ މާއްދާ - ކުއްޔަށް ދޫކުރާ ތަންތަނާއި، ކުއްޔަށް ހިފާ ތަންތަނާއި ތަކެތީގެ ރިކޯޑު ބެލެހެއްޓުން

(ހ) ދައުލަތުގެ އޮފީސްތަކުގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޔަށް ދޫކުރާ ތަންތަނާއި، ކުއްޔަށް ހިފާ ތަންތަނާއި ތަކެތީގެ، ތިރީގައިމިވާ މައުލޫމާތު އެ އޮފީހަކުން ލިޔެ ބަލަހައްޓަންވާނެއެވެ.
 
 
 
 
(1)
އެ ތަނެއް ނުވަތަ އެ އެއްޗެއްގެ ނަން؛
 
 
 
 
(2)
ކުލީގެ އެއްބަސްވުމުގައި ހިމެނޭ ފަރާތްތައް؛
 
 
 
 
(3)
ކުލީގެ ރޭޓާއި މުއްދަތު؛
 
 
 
 
(4)
އެ ތަނެއް ނުވަތަ އެ އެއްޗެއްގެ ތަފުސީލު؛
 
 
 
 
(5)
އެ ތަނެއް ނުވަތަ އެ އެއްޗެއް ކުއްޔަށް ދޫކުރަން ކަނޑައެޅި ތާރީހު.

(ށ) ކުއްޔަށް ދޫކުރާ ތަންތަނުގެ ތިރީގައިމިވާ މައުލޫމާތު ހިމަނައިގެން ވަކި 2 (ދޭއް) ރަޖިސްޓަރީއެއް ބަލަހައްޓަންވާނެއެވެ. (MG/PR04)

  1. ތަނުގެ ނަމާއި އެޑްރެސް؛
  2. ކުއްޔަށް ދޫކުރި ފަރާތް ނުވަތަ ކުއްޔަށް ހިފި ފަރާތް؛
  3. ކުލީގެ ރޭޓް؛
  4. ކުއްޔަށް ދޫކުރި ތާރީހު ނުވަތަ ކުއްޔަށް ހިފި ތާރީހު؛
  5. ކުލި ލިބުނު ތާރީހާއި، ފައިސާ ބަލައިގަތް ރަސީދު ނުވަތަ ބިލު ނަންބަރާއި، ލިބުނު ފައިސާގެ އަދަދާއި، ކުލި ދެއްކި ތާރީހާއި، ވައުޗަރު ނަންބަރު؛
  6. ކުލީގެ ފައިސާ ޖަމާކުރެވޭ އެކައުންޓު ނަންބަރު؛
  7. ކުއްޔަށް ދިން ތާރީހު ނުވަތަ ކުއްޔަށް ހިފި ތަން ދޫކޮށްލި ތާރީހު؛
  8. އިތުރު ބަޔާން (ކުރެވޭ އެގްރީމެންޓާ ގުޅިގެން އެގްރީމެންޓުގެ މުއްދަތާއި މާއްދާތަކަށް ގެންނަ ބަދަލު)؛
  9. ކުއްޔަށް ދޫކުރި ނުވަތަ ކުއްޔަށް ހިފި ތަނުގެ އިންވެންޓްރީ.

(ނ) ކުއްޔަށް ދޫކުރާ ތަންތަނުގެ އެގްރީމަންޓުގައި، ތިރީގައިވާ ކަންކަމުންކުރެ އެއްވެސް ކަމެއް ހިމަނައިގެން ނުވާނެއެވެ.

  1. ކުލި ލިބެންޖެހޭ މުއްދަތުގެ ތެރޭގައި ކުލި ނުލިބޭގޮތަށް އެއްވެސް މާއްދާއެއް އެއްބަސްވުމުގައި ނުހިމެނުން؛
  2. ކުލި ނުދައްކައިގެން ކުރާ ޖޫރިމަނާގެ އަދަދު ވަކިވަރަކަށް އެރުމުން އެގްރީމެންޓް ބާތިލުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެގްރީމެންޓް ބާތިލު ނުކުރެވޭނެގޮތަށް އެއްވެސް މާއްދާއެއް އެގްރީމުންޓުގައި ނުހިމެނުން؛
  3. ކުއްޔަށް ދޫކޮށްފައިވާ ތަނެއް އެގްރީމެންޓާ ހިލާފުވެގެން ވަކިކުރާއިރު ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން ކޮށްފައިވާ އިންވެސްޓްމަންޓަށް ބަދަލުދޭގޮތަށް ގާނޫނަކުން ލާޒިމުކުރާ ކަންކަން ފިޔަވައި، ކުއްޔަށް ހިފި ފަރާތުން ކޮށްފައިވާ އެހެން އެއްވެސް އިންވެސްޓްމަންޓަކަށް ބަދަލުދޭގޮތަށް އެގްރީމެންޓް ނުކުރުން.

 

12.14 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުން ހިންގާ މުއާމަލާތްތަކަށް ލުއިދިނުމާއި ނުވަތަ މަންފާ ދިނުމާއި ދައުލަތަށް ލިބެންޖެހޭ ފައިސާ މާފުކޮށްދިނުން

(ހ) ކައުންސިލުތައް ފިޔަވައި، ދައުލަތުގެ ނަމުގައި، ދައުލަތުގެ އޮފީސްތަކުން ހިންގާ މުއާމަލާތަކާ ގުޅިގެން ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް، އެއްވެސް ލުޔެއް ނުވަތަ މަންފާއެއް އެއްވެސް ފަރާތަކަށް ދޭންވާނީ، ނުވަތަ ދައުލަތަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް މާފުކޮށްދިނުމަށް އެއްބަސްވާންވާނީ، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއްގައި، އެކަމަކާ ގުޅުންހުރި ދައުލަތުގެ އޮފީހަކުން މިނިސްޓަރަށް ހުށަހެޅުމުން، މިނިސްޓަރުގެ ލަފާގެ މަތީން، ރައީސުލްޖުމްހޫރިއްޔާ އެކަމަށް ހުއްދަ ދިނުމަށްފަހުގައެވެ.

(ށ) މި މާއްދާގެ ދަށުން އަމަލުކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކޮށް މިނިސްޓްރީން އުސޫލެއް އެކުލަވައިލައި، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަޔާއެކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ރ) ގައި ބަޔާންކޮށްފައިވާފަދަ ލުޔެއް ނުވަތަ މަންފާއެއް އެއްވެސް މީހަކަށް ނުވަތަ އެއްވެސް ފަރާތަކަށް ދޭންވާނީ، ނުވަތަ ދިނުމަށް އެއްބަސްވާންވާނީ، ނުވަތަ ލިބެންޖެހޭ އެއްވެސް ފައިސާއެއް މާފުކޮށްދޭންވާނީ، އެ މީހަކަށް ނުވަތަ އެ ފަރާތަކަށް ލިބޭ ގެއްލުމެއްގައި ނުވަތަ ކުރިމަތިވާ ދަތި ހާލަތެއްގައި، އެފަދަ ލުޔެއް ނުވަތަ މަންފާއެއް ދިނުމަކީ، އެކަމުގައި އިޖުތިމާއީ މަސްލަހަތެއް ހިމެނޭ ކަމެއް ކަމުގައި، ނުވަތަ އަދުލުވެރި ކަމެއް ކަމުގައި، ނުވަތަ އެ ސަރަހައްދުގެ އެކަށީގެންވާ ނިސްބަތެއްގެ ބައެއްގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށް ސަރުކާރަށް ނުވަތަ ކައުންސިލަށް ފެންނަ ހާލަތްތަކުގައެވެ.

(ރ) ކައުންސިލުތަކުން ހިންގާ މުއާމަލާތަކާ ގުޅިގެން، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް އެއްވެސް ލުޔެއް ނުވަތަ މަންފާއެއް ދޭންވާނީ، ނުވަތަ ކައުންސިލަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް މާފުކޮށްދެވޭނީ، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއްގައި، އެ ކައުންސިލެއްގެ މާލީ ޒިންމާދާރު ވެރިޔާ އެކަން އެ ކައުންސިލަށް ހުށަހެޅުމުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެފަދަ ލުޔެއް ނުވަތަ މަންފާއެއް ދިނުމަށް އެ ކައުންސިލަކުން ފާސްކުރާ ގޮތެއްގެ މަތީންނެވެ.

 

12.15 ވަނަ މާއްދާ - ލުއި ދިނުން ރިޕޯޓްކުރުން

(ހ) މި ގަވާއިދުގެ 12.14 ވަނަ މާއްދާގެ (ހ) އާއި (ރ) ގައި ބަޔާންކޮށްފައިވާފަދަ ލުޔެއް ނުވަތަ މަންފާއެއް ނުވަތަ ލިބެންޖެހޭ އެއްވެސް ފައިސާއެއް މާފުކޮށްދީފިނަމަ، އެ މުއާމަލާތްތަކުގެ ތަފުސީލުތައް، މި ގަވާއިދުގައިވާ ގޮތުގެ މަތީން، ކަމާގުޅޭ ދައުލަތުގެ އޮފީހަކުން ލިޔެ ބަލަހައްޓަންވާނެއެވެ.

(ށ) މި ގަވާއިދުގެ 12.14 ވަނަ މާއްދާގެ (ރ) ގެ ދަށުން ނިންމާ އެންމެހައި ނިންމުންތައް، އެ ނިންމުމެއް ނިންމާތާ، ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

12.16 ވަނަ މާއްދާ - ދައުލަތުގެ ފައިސާއާއި މުދާ އަނބުރާ ނުލިބޭނެކަމަށް ބަލައި ދޫކޮށްލުން

(ހ) ދައުލަތުގެ ފައިސާއިން މަދުވާ މަދުވުމެއް، ނުވަތަ ގެއްލޭ ގެއްލުމެއް، ނުވަތަ އުނިވާ އުނިވުމެއް، ނުވަތަ އަނބުރާ ނުލިބޭނެ ދައުލަތުގެ ފައިސާ، ނުވަތަ ގެއްލިފައިވާ ނުވަތަ ނައްތައިލެވިފައިވާ ނުވަތަ ހަލާކުވެފައިވާ ނުވަތަ ބޭނުންކުރަން ކަމުނުދާ ދައުލަތުގެ މުދަލެއް އަނބުރާ ނުލިބޭނެކަމަށް ދޫކޮށްލެވޭނީ، މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ ދަށުން ނުލިބޭނެކަމަށް ދޫކޮށްލާ ފައިސާއާއި މުދަލާ ބެހޭގޮތުން ދައުލަތުގެ އޮފީސްތަކުން ލިބޭ ހުށަހެޅުންތައް ބަލައިގަނެ، މިނިސްޓްރީން ރިޕޯޓެއް ތައްޔާރުކޮށް، މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ހުއްދައަށް އެދި ހުށަހަޅަންވާނެއެވެ.

 

12.17 ވަނަ މާއްދާ - ދައުލަތުގެ މުދާ ލާޖެއްސުން

ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުންނަ ދައުލަތުގެ މުދާ އެހެން ފަރާތެއްގެ މުދަލަކާ ލާޖެއްސޭނީ ނުވަތަ ބަދަލުކުރެވޭނީ، ގާނޫނުގައިވާ ގޮތުގެ މަތީން އެ ކަމެއް ކުރަން ބޭނުންވާ ގޮތުގެ ތަފުސީލު މިނިސްޓްރީއަށް ހުށަހަޅައި، ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

 

12.18 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުގެ މުދާ ބޭރަށް ގެންދިޔުމާއި ގެނައުން

(ހ) ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުންނަ ދައުލަތުގެ މުދަލެއް އެ އޮފީހެއްގެ ބޭނުމަކަށް ނުވަތަ އެހެން އޮފީހެއްގެ ބޭނުމަކަށް ނުވަތަ މަރާމާތުކުރުމަށް އޮފީހުން ބޭރަށް ގެންދަންވާނީ، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ ނުވަތަ މާލީ ޒިންމާދާރު ވެރިޔާ ކަނޑައަޅާ އެ އޮފީހެއްގެ އިސް މުވައްޒަފެއްގެ ހުއްދަ ލިބިގެންނެވެ. އަދި މިގޮތުން ގެންދާ މުދާ ގެންދިޔުމުގެ ކުރިން، ގެންދާ އެ މުދަލަކާއި، އެ މުދަލެއް ގެންދާ ތަނަކާއި، ހަވާލުވާ މީހަކާއި، އެ މުދަލެއް ގެންދާއިރު ހުރިގޮތާއި، މިފަދަ ބޭނުންތެރި އެނޫންވެސް މައުލޫމާތު، އެކަމަށް ކަނޑައަޅައިފައިވާ ފޮތެއް (އަނބުރާ ދައްކާގޮތަށް މުދާގެންދާ ފޮތް) ގައި ނުވަތަ އެކަމަށް ކަނޑައަޅައިފައިވާ ނިޒާމެއްގެ ދަށުން ރިކޯޑު ކުރަން ވާނެއެވެ. އަދި މިގޮތަށް ގެންދާ ތަކެތި އަނބުރާ ގެނައުމުން ގެނައިކަން ވެސް ރިކޯޑުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އޮފީހެއްގެ ބެލުމުގެ ދަށުގައި ހުންނަ މުދަލެއް ދޫކުރަންވާނީ، އެކަމަށް އެދޭ ފަރާތަކުން ލިޔުމެއް ފޮނުވުމުންނެވެ. އެ ލިޔުމުގައި، އެ އެއްޗެއް ގެންދާ ބޭނުމަކާއި، އަނބުރާ ގެންނާނެ ތާރީހު އެނގެން އޮންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ދޫކުރި ތަކެތި، އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި އަނބުރާ ނުލިބިއްޖެނަމަ، ތަކެތި ގެންދިޔަ ފަރާތަށް ލިޔުމުން އެ ތަކެތި އަނބުރާ ހަވާލުކުރުމަށް އަންގަންވާނެއެވެ. މިގޮތުން ލިޔުމުން އެންގުމުން ވެސް އެ ތަކެތި ނުލިބިއްޖެނަމަ، މާލީ ޒިންމާދާރު ވެރިޔާ އެ މައްސަލަ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ދޫކުރާ މުދާ އަނބުރާ ލިބޭއިރު، އިތުރު ގެއްލުމެއް ލިބިފައިވޭތޯ ބަލަންވާނެއެވެ. އަދި މިގޮތުން ބަލާއިރު އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، އެ މުދަލެއް ގެންދިޔަ ފަރާތުން ޒިންމާވާންވާނެއެވެ. އަދި ދެފަރާތުން ވާހަކަދައްކައިގެން އެ މައްސަލައަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރަންވާނެއެވެ. މިގޮތުން ހައްލެއް ނުހޯދިއްޖެނަމަ، އެ މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅައިގެން މިނިސްޓްރީން ނިންމަންވާނެއެވެ.

 

12.19 ވަނަ މާއްދާ - ވަކި މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ހުންނަ މުދާ

އޮފީހުގެ ހަރުމުދަލުގެ ތެރޭގައި ހިމެނޭ އެއްޗެއް ވަކި މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ބަހައްޓަންވާނީ، އެ މުވައްޒަފަކު އެ އެއްޗެއް ރައްކައުތެރިކަމާއެކު ބެލެހެއްޓުމަށް ޒިންމާވާނެކަމަށް ސޮއިކުރުވައިފައެވެ. މީގެ ތެރޭގައި އެ މުވައްޒަފަކު މަސައްކަތްކުރުމަށް ހަވާލުކޮށްފައި ހުންނަ ތަކެތި ވެސް ހިމެނެއެވެ.

 

12.20 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުގައި ހުންނަ ރުއްގަހުން ލިބޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތް

(ހ) މީހުން ބައިތިއްބުމަށް ހަދައިފައި ހުންނަ ދައުލަތުގެ އިމާރާތްތަކުގެ ގޯތިތެރޭގައި ހުންނަ ރުއްގަހުން ލިބޭ ތަކެތި ބޭނުންކުރާނީ، އެ ތަނެއްގައި މީހުން ތިބޭއިރު އެ ތަނެއްގައި ކުރަންޖެހޭ ބޭނުންތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ތަންތަން ފިޔަވައި، ދައުލަތުގެ އެހެން ތަންތަނުގައި ހުންނަ ރުއްގަހުން ލިބޭ ތަކެތި ބޭނުންކުރާނީ، އެ ތަނެއްގެ ސަރުދާރު ފެންވަރުން ފެށިގެން ދަށުގެ މުވައްޒަފުންނެވެ. އެގޮތަށް މުވައްޒަފުންނަށް ތަކެތި ދޫކުރެވޭނީ، ތިރީގައިމިވާ ގޮތަށް އެ މުވައްޒަފުން ރުއްގަސް ބަލަހައްޓާނަމައެވެ.

  1. ރަސްމީގަޑި ފިޔަވައި އެހެން ވަގުތުތަކުގައި ރުއްގަސް ސާފުކޮށް ބަލަހައްޓައިދީ، ރުއްގަހުގެ ކުނިއުކައިދިނުން؛
  2. އެ ތަނެއްގެ މުވައްޒަފުން އަމިއްލައަށް ރުއްގަސް ސާފުކޮށް ބެލެހެއްޓޭވަރު ނުވާނަމަ، އެ މުވައްޒަފުންގެ އަމިއްލަ ހަރަދުގައި އެހެން ފަރާތަކާ ހަވާލުކޮށްގެން ރުއްގަސް ސާފުކޮށް ބެލެހެއްޓުން.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަކުންކުރެ ގޮތަކަށް މުވައްޒަފުން ބޭނުންނުވާނަމަ، އަދި އެ އޮފީހެއްގެ ބަޖެޓުން ހަރަދުކޮށްގެން ރުއްގަސް ސާފުކޮށް ބަލަހައްޓާނަމަ، އެ ތަކެތި މުވައްޒަފުންނަށް ދެވޭނީ، އެ އޮފީހެއްގެ އިސްވެރިޔާ ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

 

12.21 ވަނަ މާއްދާ - ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ގޯތިގޯއްޗާއި ބިންބިމުގައި ރުއްގަސް އިންދުމާއި ކެނޑުން

(ހ) ދައުލަތުގެ އޮފީސްތަކުގެ ބެލުމުގެ ދަށުގައި ހުންނަ ގޯތިގޯއްޗާއި ބިންބިމުގައި ރުއްގަސް އިންދަންވާނީ، އެ ތަނެއް ބަލަހައްޓާ އޮފީހެއްގެ އިސްވެރިޔާގެ ހުއްދަ ލިބިގެންނެވެ.

(ށ) ދައުލަތުގެ އޮފީސްތަކުގެ ބެލުމުގެ ދަށުގައި ހުންނަ ގޯތިގޯއްޗާއި ބިންބިމުގައި ހުންނަ ބަންޑާރަ ލަކުޑީގެ ގޮތުގައި ހިމެނޭ ރުއްގަސް ކަނޑަންވާނީ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެންނެވެ. އެ ތަންތަނުގައި ހުންނަ އެނޫން ގަސްގަސް ކަނޑަންވާނީ، ނުވަތަ ނަގަންވާނީ، ނުވަތަ ވިއްކަންވާނީ، އެ އޮފީހެއްގެ އިސްވެރިޔާގެ ހުއްދަ ލިބިގެންނެވެ.

 

12.22 ވަނަ މާއްދާ - ދައުލަތުގެ މުދާ ބެލެހެއްޓުން

ދައުލަތުގެ މުދާ ބަހައްޓަންވާނީ، ތިރީގައިމިވާ ގޮތުގެ މަތީން، ތަޅުލެވޭ ރައްކައުތެރި ތަނެއްގައެވެ.

(ހ) ގުދަނެއްގައި ނުވަތަ ތަޅުލެވޭގޮތަށް ހުންނަ ރައްކައުތެރި ތަނެއްގައި؛

(ށ) މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ހުންނަ ކަބަޑު، ނުވަތަ މޭޒު، ނުވަތަ އަލަމާރި ފަދަ، ތަޅުލެވޭ އެއްޗެއްގައި؛

(ނ) ގުދަންކޮށްގެން ނުބެލެހެއްޓޭފަދަ ތަކެތި، މާލީ ޒިންމާދާރު ވެރިޔާ ކަނޑައަޅާ ގޮތެއްގެ މަތީން، ކަނޑައަޅާ ތަނެއްގައި.

 

12.23 ވަނަ މާއްދާ - ގަނެވޭ މުދާ ސްޓޮކްބާކީގައި ހިމެނުން

ދައުލަތުގެ ބޭނުމަށް ގަންނަ މުދަލުގެ ތެރޭގައި ހިމެނޭ، ސްޓޮކަށް ވައްދަންޖެހޭ ތަކެތި، ސްޓޮކްބާކީއަށް ވައްދަންވާނެއެވެ. ނަމަވެސް ވަކި މުވައްޒަފަކާ ހަވާލުކޮށްފައިވާ ހާއްސަ މަސައްކަތަކަށް ގަނެވޭ، އާންމުކޮށް ސްޓޮކްގައި ނުހުންނަ އެއްޗެއް އެ މުވައްޒަފަކާ ހަވާލުކޮށް ސޮއިކުރުވުމުން، ނުވަތަ ކުރެވެމުންދާ ވަކި މަސައްކަތަކަށް ގަނެވޭ ތަކެތި އެ މަސައްކަތެއް ކުރާ ފަރާތާ ހަވާލުކޮށް ސޮއިކުރުވުމުން ފުދޭނެއެވެ.

 

12.24 ވަނަ މާއްދާ - ސްޓޮކް ހިސާބު ބެލެހެއްޓުމާއި، ތަކެތި ދޫކުރުން

(ހ) އެ އޮފީހެއްގައި ބޭނުންކުރުމަށް، ނުވަތަ އެ ތަކެތި ބޭނުންކޮށްގެން އެހެން އެއްޗެއް އުފެއްދުމަށް، ނުވަތަ ތަނަށް ހިދުމަތް ދިނުމުގައި ބޭނުންކުރުމަށް ހޯދައިފައި ބަހައްޓާ ތަކެތި ސްޓޮކަށް ވައްދައި، ސްޓޮކް ބާކީކޮށް ބަލަހައްޓަންވާނެއެވެ. މިގޮތުން ސްޓޮކްކުރެވޭ ތަކެތީގެ ކޮންމެ އައިޓަމެއްގެ ބާކީ ވަކިން އެނގޭގޮތަށް ސްޓޮކްބާކީގެ ހިސާބު ބަލަހައްޓަންވާނެއެވެ.

(ށ) ސްޓޮކަށް ގަނެފައި ހުންނަ ތަކެތި ހުންނަންވާނީ، ވަކި މުވައްޒަފަކާ ލިޔުމުން ހަވާލުކޮށްފައެވެ. ސްޓޮކުގައި ހުންނަ އަގުބޮޑު ތަކެތި ސްޓޮކުން ދޫކުރަންވާނީ، އެ އޮފީހެއްގެ ކަމާބެހޭ ވެރިޔަކު ހުއްދަ ދީގެންނެވެ.

(ނ) ސްޓޮކް ބަލަހައްޓާ މުވައްޒަފަކީ، ބަޖެޓުގެ ނުވަތަ ޕްރޮކިއުމަންޓުގެ މަސައްކަތްކުރާ މުވައްޒަފަކަށް ވެގެން ނުވާނެއެވެ.

 

12.25 ވަނަ މާއްދާ - ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުން

(ހ) ސްޓޮކަށް ތަކެތި ހޯދަންވާނީ، އެ އޮފީހެއްގެ މަސައްކަތަށް ބޭނުންވާ އަދަދަކަށް، ބޭނުންވާ މިންވަރަކަށެވެ. މިގޮތަށް ތަކެތި ހޯދުމުގައި އެކި ސެކްށަންތަކުން އެ ސެކްށަނެއްގެ މަސައްކަތަށް ކޮންމެހެން އެ ވަގުތަކަށް ބޭނުންވާ އަދަދަށް ތަކެތި ހޯދުމަށް ސަމާލުކަންދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، އެ ތަނަކަށް ބޭނުންވެގެން ހޯދުމަށް އެދޭ ތަކެއްޗަކީ އެ ތަނެއްގެ މަސައްކަތް ހިންގުމަށް ނުވަތަ އެ އޮފީހަކުން ހިންގަންޖެހޭ ނުވަތަ އުފައްދަންޖެހޭ އެއްޗަކަށް ބޭނުންވާ ތަކެތިތޯ ބެލުމާއި، ތަކެތި ހޯދުމަށް ހުއްދަދިނުމަކީ އެ ސެކްށަނެއްގެ އިސްވެރިޔެއްގެ މަސްއޫލިއްޔަތެކެވެ. ތަކެތި ހޯދުމަށް އެދޭނީ، MG/PC01 "މުދަލާއި ހިދުމަތް ލިބިގަތުމަށް އެދޭ ފޯމު" ންނެވެ. 

މުދާ ލިބިގަތުމަށް އެދޭ ފޯމު

މުދާ ލިބިގަތުމަށް އެދޭ ފޯމަކީ، ޑިޕާޓްމަންޓަކުން ނުވަތަ ސެކްށަނަކުން ނުވަތަ ވަކި މުވައްޒަފަކު އޮފީހުގައި ކުރާ މަސައްކަތަކަށް ސްޓޮކުން އެ އެއްޗެއް ނެގުމަށް ޓަކައި ފުރާ ފޯމެކެވެ. މި ފޯމު އޮންނަންވާނީ، އަސްލާއެކު 2 (ދޭއް) ކޮޕީއެވެ.
 
 
 
(ނ) ސްޓޮކުގައި އާންމުކޮށް ހުންނަ ތަކެތި އެކަށީގެންވާވަރަށްވުރެ މަދުވުމުން އަލުން ހޯދުމަށް އެދެންވާނީ، "މުދާ ގަންނަން އެދޭ ފޯމު" ންނެވެ. 

މުދާ ގަންނަން އެދޭ ފޯމު

މި ފޯމަކީ އެކިއެކި ށެކްށަންތަކުން ސްޓޮކުން ތަކެތި ނެގުމަށް ނުވަތަ ތަކެތި ހޯދުމަށް އެދުމުން، މުދާ ބޭނުންވާވަރަށް ސްޓޮކުގައި ނެތިއްޖެ ހިނދެއްގައި ނުވަތަ މުޅިން އައު އެއްޗެއް ހޯދާނަމަ ލިޔަންޖެހޭ ފޯމެކެވެ. މި ފޯމުގައި ތަކެއްޗަށް އެދި ސޮއިކުރަންވާނީ، ސްޓޮކާ ހަވާލުވެ ހުންނަ މުވައްޒަފެކެވެ. މި ފޯމުގެ އަސްލަކާއި ކޮޕީއެއް އޮންނަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ސްޓޮކަށް މުދާ ގަތުމަށް އެދޭ ފޯމު ލިބުމުން، އެދޭ ތަކެއްޗަށް ހުއްދަ ދޭންވާނީ، ބޭނުންވާ ތަކެތި ހޯދޭވަރަށް ބަޖެޓުގައި ފައިސާ ހުރިތޯ ބަލައި، ހޯދަން އެދޭ ތަކެތި އެކަށީގެންވާވަރަށްވުރެ ސްޓޮކުގައި މަދުވާނަމަ، ކޮންމެހެން ބޭނުންވާ ވަރަށެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ބެލުމަށްފަހު މުދާ ގަތުމަށް އޯޑަރުކުރަންވާނީ، "މުދަލަށް އޯޑަރުކުރާ ފޯމު" ންނެވެ. MG/PC02)) 

(ޅ) ސްޓޮކަށް ތަކެތި ހޯދުމަށް ފުރަންޖެހޭ "މުދާ ގަންނަން އެދޭ ފޯމު" ފުރަންވާނީ، އަދި އެ ފޯމުގައި ސޮއިކުރަންވާނީ، ސްޓޮކާ ހަވާލުވެ ހުންނަ އިސް މުވައްޒަފެކެވެ. މި ފޯމު ފުރުމަށްފަހު، އެ ފޯމުގެ އަސްލު، ޕްރޮކިއުމަންޓާބެހޭ ބަޔާ ހަވާލުކުރާނީއެވެ. ސްޓޮކަށް ހޯދާ ތަކެތި ގެނައުމުން، ތިރީގައިވާ ކަންތައްތައް ފުރިހަމަކުރަންވާނެއެވެ.

  1. މުދަލަށް އޯޑަރުކުރާ ފޯމުގައި ވަނީ މުދާ ލިބިގަތުމަށް އެދޭ ފޯމުގައިވާ މުދާތޯ ބެލުން؛
  2. ލިބިފައިވާ މުދަލަކީ މުދަލަށް އޯޑަރުކުރި ފޯމުގައިވާ މުދާތޯ ބެލުން؛
  3. ލިބިފައިވާ މުދަލާއެކު ބިލެއް އޮތްނަމަ، އެ ބިލުގައި ވަނީ ލިބިފައިވާ މުދާތޯ ބަލައި ޗެކުކުރުން؛
  4. މި މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައިވާ ކަންތައްތައް ޗެކުކޮށް ބެލިބެލުމުގައި އެއްވެސް މައްސަލައެއް ވާނަމަ، މުދަލަށް އޯޑަރުކުރި ފޯމުގައި ނުވަތަ މުދާ ބަލައިގަތް ނޯޓުގައި އެކަން ބަޔާންކުރުމަށްފަހު، ފައިސާއާބެހޭ މަސައްކަތްކުރާ ފަރާތާ ހަވާލުކުރުން.

 

12.26 ވަނަ މާއްދާ - މުދާ ބަލައިގަތުމާއި، ކަމުނުދާ މުދާ އަނބުރާ ފޮނުވައިލުމާއި، މުދަލުގެ ބަދަލު ހޯދުން

(ހ) ސްޓޮކަށް ނުވަތަ އެ ތަނަކަށް މުދާ ބަލައިގަންނަންވާނީ، އޯޑަރުކުރި ގޮތާ އެއްގޮތަށް ތަކެތި ހަމަޔަށް ހުރިތޯ ޗެކުކޮށް ބަލައިފައެވެ. ތަކެތި ބަލައިގަތްފަހުން ބަލައިގަނެވުނު ތަކެތީގެ ތެރޭގައި އޯޑަރުކުރި ފޯމުގައިވާ ފެންވަރަށްވުރެ ފެންވަރުދަށް ތަކެތި ހުރިކަން ފާހަގަކުރެވިއްޖެނަމަ، ނުވަތަ އޯޑަރުކުރި އެއްޗަކާ ތަފާތު އެއްޗެއް ނުވަތަ ގެއްލުން ލިބިފައިވާ އެއްޗެއް ވާނަމަ، އެ ތަކެތި ވިއްކި ފަރާތަށް، ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އަނބުރައި ފޮނުވައިލަންވާނެއެވެ. މިގޮތުން އަނބުރައި ފޮނުވައިލާ ތަކެތި ވިއްކި ފަރާތާ ހަވާލުކޮށް އެ ފަރާތުގެ ސޮއިކުރުވަންވާނެއެވެ.

(ށ) އަނބުރާ ފޮނުވި ތަކެތީގެ ބަދަލުގައި ރަނގަޅު ތަކެތި އަނބުރާ ހޯދައި، ސްޓޮކްބާކީގައި އެކަން ރިކޯޑުކުރަންވާނެއެވެ. އަނބުރައި ފޮނުވި ތަކެތީގެ ބަދަލުގައި ރަނގަޅު ތަކެތި އެ އަދަދަށް ނުލިބޭނަމަ އެ މުދަލަށް ފައިސާ ދައްކާނީ، ބިލު ބަދަލުކުރުވުމަށްފަހު، އެ އޮފީހަކަށް ތަކެތި ލިބުނު އަދަދުގެ މައްޗަށް އަގުކުރުމަށްފަހު، އެ ފަރާތަކަށް ދައްކަންޖެހޭ އަދަދަކަށެވެ.

 

12.27 ވަނަ މާއްދާ - ސްޓޮކުން ތަކެތި ދޫކުރުން

އޮފީހުގެ މަސައްކަތަށް ބޭނުންވާ އެއްޗެއް "މުދާ ލިބިގަތުމަށް އެދޭ ފޯމު" ން ހުށަހެޅުމުން، އެ ފޯމުގައިވާ މުދަލެއް ސްޓޮކުގައި ހުރިނަމަ އެ މުދަލެއް ދޫކުރުމާއި، ސްޓޮކުގައި ނެތްނަމަ އެ އެއްޗެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތް، ތިރީގައިވާ ގޮތުގެ މަތީން ކުރިޔަށް ގެންދަންވާނެއެވެ. (MG/PC01)

(ހ) ގިނަ އަދަދަކަށް ސްޓޮކުން ތަކެތި ދޫކުރަންޖެހޭ ތަންތަނުން، ސްޓޮކުން އެއްވެސް އެއްޗެއް ދޫކުރާނަމަ، މުދާ ލިބިގަތުމަށް އެދޭ ފޯމު ފުރިހަމަކޮށްގެން ދޫކުރުން.

(ށ) މުދާ ލިބިގަތުމަށް އެދޭ ފޯމުތަކުގެ އަސްލު، ސްޓޮކް ބަލަހައްޓާ މުވައްޒަފެއްގެ ހަވާލުގައި ފައިލުކޮށްފައި ބެހެއްޓުން.

(ނ) މުދާ ލިބިގަތުމަށް އެދޭ ފޯމުތަކުގެ ކޮޕީ، އެ ފޯމު ފޮނުވާ ފަރާތުގެ ހަވާލުގައި ފައިލުކޮށްފައި ބެހެއްޓުން.

 

12.28 ވަނަ މާއްދާ - ސްޓޮކް ރިކޯޑުތައް ބެލެހެއްޓުން

ސްޓޮކަށް ގަނެވޭ ތަކެތީގެ ރިކޯޑާއި ސްޓޮކުން ތަކެތި ދޫކުރެވޭ ގޮތުގެ ރިކޯޑު ފޮތެއްގައި ލިޔެގެން ނުވަތަ ބިންކާޑުގައި ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ބަލަހައްޓަންވާނެއެވެ. (MG/PC04)

 

12.29 ވަނަ މާއްދާ - ސްޓޮކުގައި ހުންނަ ތަކެތި ބެހެއްޓުން

ސްޓޮކުގައި ހުންނަ ތަކެތި ބަހައްޓަންވާނީ، މި ގަވާއިދުގެ 12.22 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ރައްކައުތެރި ތަނެއްގައެވެ.

 

12.30 ވަނަ މާއްދާ - ދައުލަތުގެ މުދާ ނީލަންކިޔުމާއި ނައްތައިލުން

(ހ) ދައުލަތުގެ މުދަލެއް ވިއްކައިލަންވާނީ، ނުވަތަ ނައްތައިލަންވާނީ، ރައީސުލްޖުމްހޫރިއްޔާއަށް މިނިސްޓަރު ލަފާ ދިނުމުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ށ) ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައިވާ، ދައުލަތުގެ މުދަލުގެ ތެރޭގައި ހިމެނޭ، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް މުދާ ނީލަމުގައި ވިއްކައިލަންވާނީ، ނުވަތަ ނައްތައިލަންވާނީ، ނުވަތަ އުކައިލަންވާނީ، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާގެ ހުއްދަ ލިބިގެން، މާލީ ޒިންމާދާރު ވެރިޔާ ނުވަތަ މާލީ ޒިންމާދާރު ވެރިޔާ ކަނޑައަޅާ ފަރާތެއްގެ ބެލުމުގެ ދަށުންނެވެ.

(ނ) ނީލަމުގައި ވިއްކައިލާ މުދަލާއި ނައްތައިލާ ނުވަތަ އުކާލާ މުދަލުގެ ރިކޯޑުތައް، އެ އޮފީހެއްގައި ލިޔެ ފައިލުކޮށްފައި ހުންނަންވާނެއެވެ. މިގޮތުން ނީލަންކިޔާ ތަކެއްޗާއި ނައްތައިލާ ނުވަތަ އުކާލާ ތަކެތި، އެ ތަކެތި ރިކޯޑުކޮށްފައިވާ ލިޔުންތަކުން، ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އުނިކުރަންވާނެއެވެ.

(ރ) ނީލަންކިޔުނު ތަކެއްޗާއި ނައްތައިލި ނުވަތަ އުކާލި ތަކެތީގެ ލިސްޓު ތައްޔާރުކުރުމަށްފަހު، ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ބ) ނީލަންކިޔައިގެން ލިބޭ ފައިސާ ޖަމާކުރަންވާނީ، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީންނެވެ.

 

12.31 ވަނަ މާއްދާ - ނީލަމަށް ތަކެތި ފޮނުވުމާއި، ނީލަންކިޔުން

(ހ) ދައުލަތުގެ މުދާ ނީލަންކިޔާނެ ނިޒާމެއް ސަރުކާރުން ގާއިމުކޮށްފައިވާ ރަށްރަށުގައި ދައުލަތުގެ މުދާ ނީލަންކިޔަންވާނީ އެ ނިޒާމު މެދުވެރިކޮށެވެ.

(ށ) ނީލަންކިޔަން ބޭނުންވާ ތަކެތި، އެ މުދާ ހުރި ތަނަކުން ބޭރަށް ގެންދިޔުމުގެ ކުރިން، ތަކެތީގެ އަދަދާއި، ބާވަތާއި، އިންވެންޓަރީ ކޯޑު ނަންބަރު އެނގޭގޮތަށް ފޮތެއްގައި ނުވަތަ ކަމާބެހޭ ފޯމުގައި ލިޔެ، އެ މަސައްކަތް ކުރި މުވައްޒަފާއި، މާލީ ޒިންމާދާރު ވެރިޔާ ކަނޑައަޅާ މުވައްޒަފަކު އެ ތަކެތި ޗެކުކޮށް ސޮއިކުރަންވާނެއެވެ. އަދި އެ ތަކެތި ނީލަމަށް ފޮނުވުމަށް ނިންމާނީ، އެ ތަނެއްގައި ހުންނަ މާލީ ޒިންމާދާރު ވެރިޔާ ނުވަތަ އެކަމަށް މާލީ ޒިންމާދާރު ވެރިޔާ ކަނޑައަޅާ ފަރާތަކުން ބަލައި ޗެކުކުރުމަށްފަހު، އެ ތަކެތި ނީލަމަށް ފޮނުވުމަށް ނުވަތަ އެ ތަކެތި ނީލަމުގައި ވިއްކައިލުމަށް ނިންމިކަމަށް މާލީ ޒިންމާދާރު ވެރިޔާ ސޮއިކުރުމުންނެވެ.

 

12.32 ވަނަ މާއްދާ - ދައުލަތުގެ މުދާ ނައްތައިލުން

(ހ) މި ގަވާއިދުގެ 12.30 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ދައުލަތުގެ މުދަލެއް ނައްތައިލުމަށް ނުވަތަ އުކައިލުމަށް ކަނޑައަޅާ ތަކެތި ނައްތައިލުމުގެ ކުރިން ނުވަތަ އުކައިލުމުގެ ކުރިން އެފަދަ ތަކެތީގެ ލިސްޓު ނަގައި، ކަމާބެހޭ 2 (ދޭއް) މުވައްޒަފަކު ސޮއިކޮށް، މާލީ ޒިންމާދާރު ވެރިޔާ ހުއްދަދިންކަމުގެ ސޮއިކުރުމަށްފަހު، އެ ތަކެތި ނައްތައިލައި އުކައިލެވިދާނެއެވެ.

(ށ) އެހެން ކަމަކަށް ބޭނުން ނުކުރެވޭނެ ބާވަތުގެ ތަކެތި، ނުވަތަ އެ ތަކެތި ވިއްކުމުގެ ސަބަބުން ބަޔެއްގެ އާންމު ސިއްހަތަށް ގެއްލުމެއްވެދާނެ ބާވަތުގެ ތަކެތި، އެ ތަކެތި ވިއްކުމުގެ ސަބަބުން ސިއްހަތަށް ވެދާނެ ގެއްލުން ބަޔާންކުރުމާއެކު، އެކަށީގެންވާ ގޮތެއްގެ މަތީން ނައްތައިލެވިދާނެއެވެ.

 

12.33 ވަނަ މާއްދާ - ދަތުރުކުރުމަށް ބޭނުންކުރާ އުޅަނދު

(ހ) ދައުލަތުގެ އުޅަނދުގެ ގޮތުގައި، ދައުލަތުގެ ނަމުގައި ރަޖިސްޓަރީކުރެވިގެން ދައުލަތުގެ އޮފީސްތަކުގައި ބޭނުންކުރާ އެއްގަމާއި ކަނޑާއި ވައިގެމަގުން ދުއްވާ އުޅަނދުފަހަރު ހިމެނޭނެއެވެ.

(ށ) ދައުލަތުގެ އުޅަނދުފަހަރު ބޭނުންކުރަން ފެށުމުގެ ކުރިން، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އިންށުއަރ ކުރަންވާނެއެވެ. އިންށުއަރެންސް ކަވަރޭޖުގެ ތެރޭގައި، އަލިފާނުގެ ހާދިސާތަކާއި، އެކްސިޑެންޓުތަކާއި، ކަނޑުގަދަވެގެން ލިބޭ ގެއްލުންތަކާއި، ފަރުދަކު ނުވަތަ ބަޔަކު ދޭ ގެއްލުންތަކާއި، ވަގަށް ނެގުމާއި، އެ އެއްޗެއް ބާއްވައިފައި އޮއްވައި، ނުވަތަ އުޅަނދެއް ފަޅުގައި އަޅައިފައި އޮއްވައި ލިބޭ ގެއްލުންތައް ހިމަނަންވާނެއެވެ.

(ނ) ދައުލަތުގެ އެންމެހައި އުޅަނދުފަހަރު، ދައުލަތުގެ މުދަލުގެ ރަޖިސްޓަރީގައި ހިމަނަންވާނެއެވެ. އަދި ކޮންމެ އުޅަނދަކާބެހޭގޮތުން ތިރީގައިމިވާ ކަންތައްތައް ކުރާނެ ގޮތުގެ އުސޫލެއް އެ ތަނަކުން އެކުލަވައިލައި މިނިސްޓްރީގެ ހުއްދަ ހޯދަންވާނެއެވެ.

  1. ބަލަހައްޓާނެ ގޮތާއި، ބޭނުންކުރާނެ ގޮތް؛
  2. ގަރާޖުކުރާނެ ގޮތް ނުވަތަ ފައްތިޔާކުރާނެ ގޮތް؛
  3. އުޅަނދު ބޭނުންކުރެވޭ ގޮތުގެ ރިކޯޑާއި، ތެޔޮ ބޭނުންކުރެވޭ މިންވަރާއި، މަރާމާތުކޮށް ބަލަހައްޓާނެ ގޮތް؛ 
  4. އެއް އޮފީހުން އަނެއް އޮފީހަށް ކުރާ ދަތުރާއި، ކޮށްދޭ މަސައްކަތްތަކަށް އަގުނަގާނެ ގޮތް.

 

12.34 ވަނަ މާއްދާ - ދައުލަތުގެ އުޅަނދުފަހަރު ދުއްވާ ފަރާތާއި، ޒިންމާ

(ހ) ދައުލަތުގެ އުޅަނދުފަހަރު ދުއްވުމަށް ހުއްދަކޮށްފައިވާ މުވައްޒަފަކު ފިޔަވައި އެހެން އެއްވެސް މީހަކު އެ އުޅަނދެއް ދުއްވައިގެން ނުވާނެއެވެ. މި ހުއްދަ ދޭންވާނީ، އެފަދަ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށެވެ.

(ށ) ދައުލަތުގެ އުޅަނދެއް ދުއްވުމުގެ ހުއްދަ ދެވިފައިވާ މީހަކު، އެފަދަ ތަކެތި ދުއްވުމަށް ދައުލަތުން ކަނޑައަޅައިފައިވާ ގަވާއިދުތަކާ ހިލާފަށް ދުއްވުމުގެ ސަބަބުން އުޅަނދަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އެ ގެއްލުމުގެ ޒިންމާ އުފުލަންވާނީ، އެ އުޅަނދު ދުއްވި މީހާއެވެ.

(ނ) ދައުލަތުގެ އުޅަނދެއް ހަވާލުކޮށްފައިވާ ފަރާތެއްގެ އިހުމާލުން އެ އުޅަނދަކަށް ލިބޭ ގެއްލުމުގެ ބަދަލު އިންށުއަރެންސުން ހަމަނުޖެއްސޭނަމަ، އެ ބަދަލެއް ދޭންޖެހޭނީ، އެ އުޅަނދެއް ދުއްވި މީހާއެވެ.

(ރ) ދައުލަތުގެ އުޅަނދެއް ދުއްވުމުގެ ހުއްދަ ދެވިފައިވާ މީހަކު ގަވާއިދާ ހިލާފަށް އެހެން ފަރާތަކަށް އުޅަނދު ދޫކޮށްގެން އެ އުޅަނދަކަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، ގެއްލުމުގެ ބަދަލު އިންށުއަރެންސުން ހަމަނުޖެއްސޭނަމަ، އެ ބަދަލެއް ދޭންޖެހޭނީ، އެ އުޅަނދު ދޫކުރި މީހާއެވެ.

(ބ) ދައުލަތުގެ އުޅަނދެއް ބޭނުންކުރަނިކޮށް ދުއްވި މީހާގެ އިހުމާލުން މީހަކަށް ނުވަތަ އެއްޗަކަށް ނުވަތަ ތަނަކަށް ނުވަތަ މުދަލަކަށް ލިބޭ ގެއްލުމުގެ ބަދަލު އިންށުއަރެންސުން ހަމަނުޖެއްސޭނަމަ، އެ ބަދަލެއް ދޭންޖެހޭނީ ވެސް، އެ އުޅަނދެއް ދުއްވި މީހާއެވެ.

 

12.35 ވަނަ މާއްދާ - ދަތުރު ރިކޯޑު ބެލެހެއްޓުން

(ހ) ދައުލަތުގެ އުޅަނދުފަހަރާއި، ގިނަދުވަހަށް ކުއްޔަށް ހިފައިގެން ގެންގުޅޭ އުޅަނދުތަކުގައި ކުރާ ދަތުރުތަކުގެ މައުލޫމާތު، ތިރީގައިވާ ކަންތައްތައް އެނގޭނެ ގޮތަށް ރިކޯޑު ބަލަހައްޓަންވާނެއެވެ. (MG/BC15)

  1. ދަތުރުކުރި ތާރީހު؛
  2. ދަތުރު ފެށި ގަޑިއާއި، ދަތުރު ނިންމި ގަޑި؛
  3. ދަތުރުގެ ބޭނުން؛
  4. ދަތުރު ކުރުވި މުވައްޒަފުންގެ ނަމާއި، މަގާމާއި، ސޮއި؛
  5. އެހެން ފަރާތަކުން ފައިސާ ލިބޭގޮތަށް ކުރި ދަތުރެއްނަމަ، ދަތުރުކުރުމަށް އެއްބަސްވި އަގާއި، އެ އަގު ހޯދުމަށް އެޅި ފިޔަވަޅު؛
  6. ފަހުން ފައިސާ ދައްކާގޮތަށް ކުރި ދަތުރެއްނަމަ، ދަތުރަށް ހެދި ބިލުގެ ތަފުސީލާއި ތާރީހު؛
  7. ވަގުތުން ފައިސާ ލިބުނުނަމަ، ފައިސާ ބަލައިގަތް ރަސީދުގެ ތަފުސީލާއި ތާރީހު.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ދަތުރުގެ މައުލޫމާތު ފުރިހަމަކުރުމުގައި އެ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ މައުލޫމާތު ރިކޯޑުކުރުމުގެ ޒިންމާ އުފުލާނީ، އެ ދަތުރެއް ކުރި އުޅަނދު ދުއްވި މީހާއެވެ. އަދި މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ މައުލޫމާތު ރިކޯޑުކުރުމުގެ ޒިންމާ އުފުލާނީ، އެ އުޅަނދެއްގެ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ އޮފީހަކުންނެވެ.

 

12.36 ވަނަ މާއްދާ - ދައުލަތުގެ ތަންތާނގައި ހުންނަ އުޅަނދުފަހަރު އިޖުތިމާއީ ކަންކަމަށް ބޭނުންކުރުން

(ހ) ދައުލަތުގެ އޮފީސްތަކުން ހިންގާ އިޖުތިމާއީ ހަރަކާތްތަކަށް ދައުލަތުގެ އުޅަނދުފަހަރު ބޭނުންކުރާނަމަ ބޭނުންކުރަންވާނީ، ރަސްމީ އެއްވެސް މަސައްކަތަކަށް ދަތިނުވާ ގޮތެއްގެ މަތީން މާލީ ޒިންމާދާރު ވެރިޔާގެ ހުއްދަޔާއެކު، އެކަމަށް ކުރަންޖެހޭ ހުރިހާ ހަރަދެއް، އެ އުޅަނދެއް ބޭނުންކުރާ ފަރާތަކުން ދޭގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އަގު ނަގާ އުސޫލު، އެ އޮފީހެއްގައި ކަނޑައަޅައިފައި އޮންނަންވާނެއެވެ.

(ނ) ދައުލަތުގެ އޮފީސްތަކުގެ ބޭނުމަށް ހޯދައިފައި ހުންނަ އުޅަނދުފަހަރު، ދައުލަތުގެ އެއްވެސް މުވައްޒަފެއްގެ އަމިއްލަ ކަންކަމުގައި ބޭނުންކޮށްގެން ނުވާނެއެވެ.

 

12.37 ވަނަ މާއްދާ - ތަކެތި ކުއްޔަށް ހޯދުމާއި، ތަންތަން ކުއްޔަށް ހިފުން

(ހ) ދައުލަތުގެ އޮފީސްތަކުން ހިންގާ އެކިއެކި ކަންކަމާ ގުޅޭގޮތުން ކުއްޔަށް ހޯދަންޖެހޭ އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުތަކާއި ތަންތަނާއި ތަކެތި ކުއްޔަށް ހޯދަންވާނީ، ދައުލަތުގެ ތަނަކުން ނުވަތަ ދައުލަތުގެ ހިއްސާ އޮތް ތަނަކުން ނުވަތަ ރައްޔިތުންގެ ނަމުގައި ހިންގާ ތަނަކުން ލިބެންހުރިނަމަ އެ ތަނަކުންނެވެ. ނަމަވެސް، މިފަދަ ތަންތަނުން ލިބެންހުރި އަގު، މި ހިދުމަތް އަމިއްލަ ފަރާތްތަކުން ލިބެންހުރި އަގާ އަޅައިބަލާއިރު ބޮޑުވާނަމަ، މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އަމަލުކުރުމުގެ އިހުތިޔާރު، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާއަށް ލިބިގެންވެއެވެ.

(ށ) ދައުލަތުގެ އޮފީހަކަށް ބޭނުންވާ އެއްޗެއް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ތަނަކުން ކުއްޔަށް ލިބޭގޮތް ނުވެއްޖެނަމަ، އަމިއްލަ ފަރާތަކުން ކުއްޔަށް ހިފިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް ކުއްޔަށް ހިފާ އެއްޗެއްގެ ނުވަތަ ތަނެއްގެ ކުލީގެ ޖުމުލަ އަގު 5,0003 (ތިރީސްފަސްހާސް) ރުފިޔާ ހަމަނުވާނަމަ، މިފަދަ ހިދުމަތްދޭ މަދުވެގެން 3 (ތިނެއް) ފަރާތަކުން އަންދާސީހިސާބު ހޯދުމަށްފަހު، އެ ފަރާތްތަކުގެ އަންދާސީހިސާބުގައިވާ އަގުތަކަށް ބަލައި، އެންމެ އެކަށީގެންވާ އަގަކަށް ކުއްޔަށް ހިފާނީއެވެ. ނަމަވެސް، ދިގު މުއްދަތަކަށް އުޅަނދެއް ކުއްޔަށް ހިފާނަމަ، ނުވަތަ އެފަދަ އެއްޗެއް ކުއްޔަށް ހިފައިފައި ބާއްވައިގެން ދަތުރުތަކެއް ކުރަން ބޭނުންވާނަމަ، އެފަދަ އެއްޗެއް ކުއްޔަށް ހިފަންވާނީ، އިއުލާނުކޮށްގެން އަންދާސީހިސާބު ހޯދައިގެންނެވެ.

(ރ) އުޅަނދުފަދަ ތަކެތި ކުއްޔަށް ހިފާއިރު، އެ ތަކެތި ދުއްވާނެ މީހުން ހޯދުމާއި، މަރާމާތުކުރުމަކީ ކުއްޔަށް ދޫކުރި ފަރާތުން ކުރަންޖެހޭ ކަމެއްކަމަށް ދެފަރާތުން އެއްބަސްވެފައި އޮންނަންވާނެއެވެ. އަދި ހިދުމަތް ނުލިބިދާ ދުވަސްތަކަށް ކުލި ނުހިނގާ ގޮތަށް ވެސް އެއްބަސްވެފައި އޮންނަންވާނެއެވެ.

(ބ) ވަކި މުއްދަތަކަށް ކުއްޔަށް ހިފައިފައިވާ އުޅަނދެއް ނުވަތަ އެއްޗެއް ހަލާކުވުންފަދަ ކަމެއް މެދުވެރިވެގެން، ކުއްޔަށްހިފި ފަރާތަށް ބޭނުން ނުކުރެވޭ ގޮތެއް ވެއްޖެނަމަ، އޭގެ ބަދަލުގައި ބޭނުންކުރެވޭނެ ހަމަ އެ ފެންވަރުގެ އެއްޗެއް، އިތުރު ހަރަދަކާ ނުލައި، ކުއްޔަށް ދޫކުރި ފަރާތުން ހަމަޖައްސައިދޭންވާނެކަމަށް ދެފަރާތުން އެއްބަސްވެފައި އޮންނަންވާނެއެވެ.

(ޅ) ދިގު މުއްދަތަކަށް (12 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް) ކުއްޔަށް ހިފައިގެން އުޅޭ އުޅަނދުތަކުގައި ކުރާ ދަތުރުތަކުގެ ރިކޯޑު، މި ގަވާއިދުގެ 12.35 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަލަހައްޓަންވާނެއެވެ.

(ކ) ދައުލަތުގެ އޮފީހަކަށް ކުއްޔަށް ހިފާ އުޅަނދެއް ނުވަތަ އެއްގަމުގައި ދުއްވާ އެއްޗެއް ނުވަތަ އިމާރާތެއް ދިގު މުއްދަތަކަށް ކުއްޔަށް ހިފަންވާނީ، އެ އެއްޗެއް ނުވަތަ އެ ތަނެއް ކުއްޔަށް ހިފުމަށް އެއްބަސްވާ އެއްބަސްވުމެއްގައި ދެފަރާތުން ސޮއިކުރުމަށްފަހުގައެވެ. އުޅަނދުތަކާއި ވެހިކަލްފަދަ ތަކެއްޗާއި އެހެނިހެން ތަކެތި ދިގު މުއްދަތަކަށް ކުއްޔަށް ހިފަންވާނީ، އެ އެއްޗެއް ކުއްޔަށް ހިފައިގެން ގެންގުޅެންޖެހޭ މުއްދަތު ރަނގަޅަށް ބެލުމަށްފަހު، އެ މުއްދަތުގައި ކުއްޔަށް ހޭދަވާނެ ފައިސާގެ އަދަދާއި، އައު އެއްޗެއް ގަތުމަށް ދާނެ ހަރަދު ބެލުމަށްފަހު، ސަރުކާރަށް އެންމެ ފައިދާބޮޑު ގޮތަކަށެވެ.

(އ) ދައުލަތުގެ އޮފީސްތަކުން ބަހަން ބޭނުންވާ ސިޓީއާއި ބިލުފަދަ ތަކެތި ބެހުމަށް ކާރާއި ޕިކަޕުފަދަ ތަކެތި ކުއްޔަށް ހިފައިގެން ނުވާނެއެވެ. އެ އޮފީހަކުން ކުރާ މަސައްކަތަކާ ގުޅިގެން އެއްތަނުން އަނެއް ތަނަށް އުފުލަންޖެހޭ އެއްޗެއް އުފުލުމަށް އެފަދަ އެއްޗެއް ކުއްޔަށް ހިފިކަމުގައި ވިޔަސް، ދަތުރުފީގެ އިތުރަށް، ކުރި މަސައްކަތުގެ އަގުގެ ގޮތުގައި އިތުރު ފައިސާއެއް ދީގެން ނުވާނެއެވެ.

(ވ) ދައުލަތުގެ ހަރަދުގައި ރާއްޖޭގައި ބައިތިއްބަންޖެހޭ މީހުން ބައިތިއްބުމަށް ކޮޓަރިއާއި، ހޮޓާ ފަދަ ތަންތަން ކުއްޔަށް ހިފުމުގައި އަމަލުކުރާނީ، ތިރީގައިމިވާ ގޮތުގެ މަތީންނެވެ.

  1. ދައުލަތުގެ ހަރަދުގައި ރާއްޖޭގައި ބައިތިއްބަންޖެހޭ މީހުން ބައިތިއްބުމަށް ކޮޓަރިއާއި ހޮޓާ ފަދަ ތަންތަން ކުއްޔަށް ހިފުމުގައި އިސްކަންދޭނީ، މި މާއްދާގެ (ހ) ގައިވާ ފަދަ ތަނަކުން ކުއްޔަށް ހިފުމަށެވެ. މުހިންމު ސަބަބަކާހުރެ ޓޫރިސްޓް ރިޒޯޓް ނުވަތަ ހޮޓާ ފަދަ ތަނެއްގައި މީހަކު ބަހައްޓަން ބޭނުންވެއްޖެނަމަ، މިނިސްޓްރީއަށް ލިޔެ ހުއްދަ ހޯދަންވާނެއެވެ.
  2. ދައުލަތުގެ އޮފީހަކަށް ބޭނުންވާ ކޮޓަރިފަދަ ތަންތަން، މި މާއްދާގެ (ވ) ގެ (1) ވަނަ ނަނބަރުގައިވާ ގޮތުގެ މަތީން ކުއްޔަށް ލިބޭގޮތް ނުވެއްޖެނަމަ، އަމިއްލަ ފަރާތަކުން ކުއްޔަށް ހިފިދާނެއެވެ. މިގޮތަށް ކުއްޔަށް ހިފާއިރު ހިފަންވާނީ، މަދުވެގެން ތިންފަރާތަކުން އަންދާސީހިސާބު ހޯދައިގެންނެވެ. ނަމަވެސް ދިގު މުއްދަތަކަށް (12 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް) ތަނެއް ކުއްޔަށް ހިފާނަމަ، އެފަދަ ތަނެއް ކުއްޔަށް ހިފަންވާނީ، އިއުލާނުކޮށްގެން އަންދާސީހިސާބު ހޯދައިގެން، އެންމެ އެކަށީގެންވާ އަގަކަށެވެ.

(މ) ދައުލަތުގެ ބޭނުމަށް ތަންތަން ކުއްޔަށް ހިފަންވާނީ، އެ އޮފީހެއްގެ ބަޖެޓުން ހަރަދުކުރެވެންހުރިތޯ ބަލައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ފ) މި މާއްދާގެ (މ) ގައިވާ ގޮތުގެ މަތީން ދައުލަތުގެ އޮފީސްތަކަށް ކުއްޔަށް ހިފާ ތަންތަނުގެ އެގްރީމެންޓުގެ މުއްދަތު އިތުރުކުރަން ބޭނުންވާނަމަ، ނުވަތަ އެފަދަ ތަނެއްގެ ބޭނުން އިތުރަށް އޮތްނަމަ، ކުއްޔަށް ހިފައިފައިހުރި ތަނުގެ އެގްރީމެންޓުގެ މުއްދަތު ހަމަވުމުގެ ލަސްވެގެން 2 (ދޭއް) މަސްދުވަހުގެ ކުރިން އެފަދަ ތަނެއް ހޯދުމަށް އެ އޮފީހެއްގެ ބަޖެޓުން ހަރަދުކުރެވެން އޮތްތޯ ބަލައި، މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

(ދ) މި މާއްދާގެ (ފ) ގައިވާ ގޮތަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރާނަމަ އިތުރުކުރެވޭނީ، ފުރަތަމަ އެކުލަވައިލި ކުލީގެ އެއްބަސްވުމުގެ މުއްދަތާއި އަގަށްވުރެ ބޮޑު ނުވާނެ ގޮތަށެވެ. މިގޮތުން އިތުރުކުރެވޭނީ، އެންމެ ފަހަރަކުއެވެ

(ތ) ކުއްޔަށް ތަކެތި ހޯދުމާއި ތަންތަން ކުއްޔަށް ހިފުމަށް ޓަކައި، ބީލަމުގެ އުސޫލުން އާންމުކޮށް ހުޅުވައިލުމުގައި ނުވަތަ އަންދާސީ ހިސާބު ހޯދުމުގައި އަމަލުކުރަންވާނީ، މަސައްކަތް ކުރުވުމާއި ތަކެތި ގަތުމާއި ހިދުމަތް ހޯދުމުގައި އަމަލުކުރުމަށް މި ގަވާއިދުގެ ބާބު 10 ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. ނަމަވެސް، ގާނޫނު ނަންބަރު 2021-22 (ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު) ގައި ވަކިގޮތަކަށް އަމަލުކުރުމަށް ކަނޑައަޅައިފައިވާ ކަންކަމުގައި އަމަލުކުރާނީ، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ލ) ދައުލަތުގެ އޮފީސްތަކަށް ތަންތަނާއި ތަކެތި ކުއްޔަށް ހިފުމަށް ޓަކައި ވެވޭ އެއްބަސްވުންތަކުގައި، މި ގަވާއިދުގެ 12.12 ވަނަ މާއްދާގެ (ބ) ގައިވާ ބައިތައް ހިމަނަންވާނެއެވެ.

 

ބާބު 13

ޕަބްލިކް ފަންޑްތައް ބެލެހެއްޓުން

 

13.01 ވަނަ މާއްދާ - ޕަބްލިކް ބޭންކް އެކައުންޓް ހުޅުވުމާއި، އެކައުންޓަށް ފައިސާ ޖަމާކޮށް ދޫކުރުން

(ހ) ދައުލަތުގެ އެންމެހައި ފައިސާ ބަހައްޓަންވާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ހުޅުވާ އެކައުންޓްތައް ބެލެހެއްޓުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އާ އެއްގޮތަށް ހުޅުވާ އެކައުންޓެއްގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް އެކައުންޓެއް ހުޅުވޭނެ ގޮތެއް ނެތްނަމަ، އެ އުސޫލުގައި ބަޔާންކޮށްފައިވާ ފަދަ އެކައުންޓަކަށް ފައިސާ ޖަމާކުރެވެންދެން ދައުލަތުގެ ފައިސާ ބަހައްޓަންވާނީ، ސަލާމަތާއި ރައްކައުތެރިކަމާއެކު ބެލެހެއްޓޭނެ ގޮތެއްގެ މަތީން، ތަޅުލެވިފައި ހުންނަ ތިޖޫރީއެއް ފަދަ ރައްކައުތެރި އެއްޗެއްގައެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ހުޅުވާ އެކައުންޓަކުން ފައިސާ ދައްކަންޖެހޭ ގޮތަށް ހަރަދެއް ކުރަންވާނީ، އެ އެކައުންޓުން އަދާކުރަންޖެހޭ ފައިސާއަށްވުރެ އިތުރުނުވާ ގޮތެއްގެ މަތީންނެވެ.

(ރ) ދައުލަތުގެ އޮފީސްތަކަށް ހޯދާ ހުރިހާ ފައިސާއަކާއި، ބަލައިގަންނަ ހުރިހާ ފައިސާއެއް ޖަމާކުރަންވާނީ، ޕަބްލިކް ބޭންކް އެކައުންޓަކަށް ނުވަތަ މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ހުޅުވާ އެކައުންޓަކަށެވެ. ނުވަތަ މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ފައިސާ ބެހެއްޓުމަށްފަހު، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން އެކައުންޓަކަށް ފައިސާ ޖަމާކުރަންވާނެއެވެ.

(ބ) ޕަބްލިކް ބޭންކް އެކައުންޓުގައި ހުންނަ ފައިސާއިން ހަރަދުކުރެވޭނީ، ނުވަތަ ފައިސާ ދޫކުރެވޭނީ، ތިރީގައިމިވާ ގޮތުގެ މަތީންނެވެ.

  1. ވަގުތުން ވަގުތަށް ބޭނުންނުވާ ފައިސާ އިންވެސްޓްކުރުމަށް؛
  2. ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ފައިސާ ހަރަދުކުރުމަށް ހުއްދަދޭ ލިޔުމުގައިވާ ގޮތުގެ މަތީން ފައިސާ ދޫކުރުމަށް؛
  3. ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑުން ފައިސާ ހަރަދުކުރުމަށް ހުއްދަދޭ ލިޔުމުގައިވާ ގޮތުގެ މަތީން ފައިސާ ދޫކުރުމަށް؛
  4. އެޑްވާންސް ފަންޑުން ފައިސާ ދޫކުރުމަށް؛
  5. ޓްރަސްޓް އެކައުންޓެއްގެ ޓްރަސްޓް ސްޓޭޓްމަންޓެއްގައިވާ ގޮތުގެ މަތީން ޓްރަސްޓް ފަންޑުން ފައިސާ ދޫކުރުމަށް.

 

13.02 ވަނަ މާއްދާ - ޕަބްލިކް ބޭންކް އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން ވަގުތުން ވަގުތަށް ބޭނުންނުވާ ފައިސާ އިންވެސްޓްކުރުން

(ހ) ޕަބްލިކް ބޭންކް އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން ވަގުތުން ވަގުތަށް ބޭނުންނުވާ ފައިސާ، އެ އެކައުންޓުން ނަގައި، ތިރީގައިމިވާ ގޮތުގެ މަތީން މާލީ ރައްކައުތެރިކަމާ ގުޅޭ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން މިނިސްޓަރަށް އިންވެސްޓްކުރެވިދާނެއެވެ.

  1. ބޭރު ގައުމެއްގެ ސަރުކާރުން ނުވަތަ ބައިނަލްއަގުވާމީ އިދާރާއަކުން ދޫކޮށްފައިވާ ނުވަތަ ގެރެންޓީކޮށްފައިވާ ސެކިއުރިޓީތަކަށް؛
  2. މިނިސްޓަރަށް ގަބޫލުކުރެވޭ ބޭންކެއްގެ އެކައުންޓުގައި ޑިޕޮޒިޓުގެ ގޮތުގައި ބެހެއްޓުމަށް؛
  3. ދިވެހިރާއްޖޭގެ އިދާރާއަކުން ދޫކޮށްފައިވާ މިނިސްޓްރީން ގަބޫލުކުރާ ސެކިއުރިޓީ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އިންވެސްޓްކުރާ ދައުލަތުގެ ފައިސާގެ ހިސާބު، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތީން މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކުރާ ކޮންމެ އިންވެސްޓްމަންޓަކުން ލިބޭ އިންޓްރެސްޓް ވެސް ޖަމާކުރަންވާނީ، އިންޓްރެސްޓް ސަސްޕެންސް އެކައުންޓަށެވެ.

(ރ) ލޯކަލް ކައުންސިލްތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ، މި މާއްދާއިން އިސްތިސްނާ ވާނެއެވެ.

 

13.03 ވަނަ މާއްދާ - ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ފައިސާ ޖަމާކުރުމާއި ދޫކުރުން

(ހ) ދައުލަތުގެ ފައިސާގެ ތެރެއިން، ތިރީގައިމިވާ ފައިސާ ފިޔަވައި އެހެން ހުރިހާ ފައިސާއެއް ޖަމާކުރަންވާނީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށެވެ.

  1. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއް ނެތް ރަށެއްގައި، ނުވަތަ ރާއްޖެއިން ބޭރުގައި ހިނގާ ސަރުކާރުގެ އޮފީހަކުން ހޯދާ، ނުވަތަ އެފަދަ އޮފީހަކަށް ލިބޭ ނުވަތަ އެފަދަ އޮފީހެއްގައި ހުރި ދައުލަތުގެ ފައިސާ؛
  2. ދައުލަތުގެ ބޭނުންތަކަށާއި، ދައުލަތުން ދޭ ލޯނުގެ ގޮތުގައި ދޫކުރުމަށާއި، ކެޕިޓަލް ހަރަދުތަކަށް ދޫކުރުމަށް ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން، ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑަށް ދޫކުރެވޭ ފައިސާ؛
  3. ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑަށާއި، އެޑްވާންސް ފަންޑަށާއި، ޓްރަސްޓް ފަންޑުގައި ހިމެނޭ އެކައުންޓުތަކަށާއި، އިންޓަރެސްޓް ސަސްޕެންސް އެކައުންޓަށް ޖަމާކުރަންޖެހޭ ދައުލަތުގެ އެންމެހައި ފައިސާ.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ޖަމާނުކޮށް ބަހައްޓާ ފައިސާގެ ބަދަލުގައި، އެފަދަ އޮފީސްތަކަށް ހަރަދުކުރުމަށް ފައިސާ ފޮނުވާއިރު ފޮނުވާނީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ޖަމާނުކޮށްހުރި އަދަދު އުނިކޮށްފައެވެ. މިގޮތަށް އެޖަސްޓްކުރާ ފައިސާ، އެ ފައިސާ ވައްދަންޖެހޭ ލެޖަރ އެކައުންޓަށް ވައްދައި، ހިސާބުތައް ނިންމަންވާނެއެވެ.

(ނ) އަންނަނިވި ހާލަތްތަކުގައި މެނުވީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ދައުލަތުގެ ފައިސާ ދޫކޮށްގެން ނުވާނެއެވެ.

  1. އެ އަހަރަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ ގޮތުގެ މަތީން ހަރަދުކުރުމަށް؛
  2. ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ފައިސާ ދޫކުރުމަށް ހުއްދަކުރާ ގާނޫނެއްގައިވާ ގޮތުގެ މަތީން ފައިސާ ދޫކުރުމަށް؛
  3. ދައުލަތުގެ ފައިސާއިން ރިފަންޑް ދޭންޖެހޭ ފަރާތްތަކަށް ރިފަންޑް ދިނުމަށް.

(ރ) ހަރަދުކުރުމަށް ހުއްދަދޭ ލިޔުމެއްގެ މައްޗަށް މެނުވީ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން، ދައުލަތުގެ ފައިސާ ދޫކޮށްގެން ނުވާނެއެވެ.

 

13.04 ވަނަ މާއްދާ - ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑަށް ފައިސާ ޖަމާކުރުމާއި ދޫކުރުން

(ހ) ދައުލަތުގެ ފައިސާގެ ތެރެއިން، ތިރީގައިވާ ފައިސާ ޖަމާކުރަންވާނީ، ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑަށެވެ.

  1. ދައުލަތުގެ ބޭނުންތަކަށް މި ގަވާއިދުގައިވާ ގޮތުގެ މަތީން، ދައުލަތުން ދޭ ލޯނުގެ ގޮތުގައި ދޫކުރުމަށާއި، ކެޕިޓަލް ހަރަދުތަކަށް ދޫކުރުމަށް ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން، ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑަށް ދޫކުރާ ފައިސާ؛
  2. ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑުން ދޫކުރި ލޯނުގެ ޕްރިންސިޕަލް އަދަދަށް ދައްކާ ފައިސާ؛
  3. ދައުލަތުގެ މުދަލެއް ވިއްކައިގެން ލިބޭ ފައިސާ؛
  4. ބައިނަލްއަގުވާމީ ޖަމާއަތަކުން ވިޔަސް، އަދި އެހެން ފަރާތަކުން ވިޔަސް، ކެޕިޓަލް ހަރަދުކުރުމަށް އެއްވެސް ށަރުތަކާ ނުލައި، އެހީގެ ގޮތުގައި ދޭ ފައިސާ؛
  5. ކެޕިޓަލް ހަރަދުކުރުމަށް ނުވަތަ އެހެންވެސް ކަމަކަށް އެކި ފަރާތްތަކުން ދައުލަތަށް ދޫކުރާ ލޯނުގެ ފައިސާއާއި، ދައުލަތުން ދަރަންޏަށް ހޯދާ ފައިސާ.

(ށ) ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑުން، ދައުލަތުގެ ފައިސާ ދޫކުރާނީ، ތިރީގައިމިވާ ގޮތުގެ މަތީންނެވެ.

  1. ދައުލަތުގެ ބަޖެޓުގައިވާ ގޮތުގެ މަތީން ފައިސާ ދޫކުރުމަށް؛
  2. ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑަށް ދައުލަތުގެ ފައިސާ ޖަމާކުރީ ވަކި ބޭނުމެއްގައި ކަމުގައި ވާނަމަ، އެ ބޭނުމެއް ހާސިލުކުރުމަށް.

 

13.05 ވަނަ މާއްދާ - އިންޓަރެސްޓާއި، އިންޓަރެސްޓް ފައިސާ ބަހާނެ ގޮތް

(ހ) ދައުލަތުގެ އިންވެސްޓްމަންޓެއް އިންވެސްޓްކޮށްގެން ލިބޭ އެންމެހައި އިންޓަރެސްޓް ފައިސާއާއި އެނޫން ގޮތްގޮތުން ދައުލަތަށް ލިބޭ އިންޓަރެސްޓް ފައިސާ ޖަމާކުރަންވާނީ، އިންޓަރެސްޓް ސަސްޕެންސް އެކައުންޓަށެވެ. އިންޓަރެސްޓް ސަސްޕެންސް އެކައުންޓުގައި ހުންނަ ދައުލަތުގެ ފައިސާ ނަގަންވާނީ، ޕަބްލިކް ފަންޑަކަށް ޖަމާކުރުމަށް، ނުވަތަ ޓްރަސްޓް ސްޓޭޓްމަންޓުގައިވާ ގޮތުގެ މަތީން ޓްރަސްޓް އެކައުންޓަކަށް ނުވަތަ އެކައުންޓުތަކަށް ޖަމާކުރުމަށެވެ.

(ށ) ޓްރަސްޓް އެކައުންޓަކަށް އިންޓަރެސްޓް ލިބޭނެ ގޮތްތަކާއި މިންގަނޑުތަކާއި އިންޓަރެސްޓް ސަސްޕެންސް އެކައުންޓުގައި ހުންނަ ފައިސާ ބަހާނެގޮތް ފައިނޭންށަލް ކޮންޓްރޯލަރ ތައްޔާރުކޮށް މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. މިގޮތުން އިންޓަރެސްޓް ސަސްޕެންސް އެކައުންޓުގައި ހުންނަ ފައިސާއިން ޕަބްލިކް ފަންޑަށް ޖަމާކުރާނެ އަދަދާއި، ޓްރަސްޓް އެކައުންޓްތަކަށް ޖަމާކުރާނެ އަދަދު ވަކިވަކިން އެނގެން އޮންނަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އެކައުންޓަންޓް ޖެނެރަލް ތައްޔާރުކޮށް ހުށަހަޅާ ސްޓޭޓްމަންޓުގައިވާ ގޮތަށް ޓްރަސްޓް އެކައުންޓްތަކަށާއި، ޕަބްލިކް ފަންޑަށް ޖަމާކުރާނެ އަދަދު ނިންމާނީ މިނިސްޓަރެވެ. އަދި އެ އެކައުންޓުތަކަށް ފައިސާ ޖަމާކުރަންވާނީ، މިނިސްޓަރުގެ ހުއްދަ ލިބިގެންނެވެ.

(ރ) އިންޓަރެސްޓް ސަސްޕެންސް އެކައުންޓުގައި ހުންނަ ފައިސާ ބެހުމަށް ކަނޑައަޅާ މިންގަނޑުތަކުގެ ރިކޯޑުތައް، މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.

(ބ) އިންޓަރެސްޓް ފައިސާ ބެހުމަށް ނިންމި ގޮތެއްގެ މަތީން ބަހައި ނިމޭއިރު، އިންޓަރެސްޓް ސަސްޕެންސް އެކައުންޓުގައި ބާކީ ފައިސާ ހުރިނަމަ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް އެ ފައިސާ ޖަމާކުރަންވާނެއެވެ.

(ޅ) ނިމިދިޔަ އަހަރުގެ އިންޓަރެސްޓުގެ ގޮތުގައި ލިބިފައިވާ ހުރިހާ ފައިސާއެއް، ހިނގާ މާލީ އަހަރުގެ ތެރޭގައި ބަހައި ނިންމަންވާނެއެވެ. އަދި އެހެނިހެން ބޭންކް އެކައުންޓުތަކަށް ލިބިފައިވާ އިންޓަރެސްޓް ވެސް، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ޖަމާކޮށް ނިންމަންވާނެއެވެ.

 

13.06 ވަނަ މާއްދާ - ޓްރަސްޓް ފަންޑާއި ޓްރަސްޓް އެކައުންޓް އެކުލެވިގެންވާ ގޮތް

(ހ) ޓްރަސްޓް ފަންޑަށް ޖަމާކުރެވޭނީ، ޓްރަސްޓް ފަންޑް ހުޅުވައިފައިވާ ބޭނުމަށް، އެކަމަށް ކަނޑައަޅައިފައިވާ ފައިސާއެވެ. މިފަދަ ފައިސާ ޖަމާކުރަންވާނީ، ޓްރަސްޓް ސްޓޭޓްމަންޓުގައިވާ ގޮތުގެ މަތީން ހުޅުވާ ޓްރަސްޓް އެކައުންޓަކަށް ނުވަތަ ޕަބްލިކް ފަންޑަކަށެވެ.

(ށ) ޓްރަސްޓް ފަންޑް އެކުލެވިގެންވަނީ، އިންޓަރެސްޓް ސަސްޕެންސް އެކައުންޓާއި، ޓްރަސްޓް ފަންޑުގެ ބައެއްގެ ގޮތުގައި އުފައްދާ ޓްރަސްޓް އެކައުންޓްތަކާއި، އެކި ބޭނުންތަކުގައި އެކި ދުވަސްވަރު ތިރީގައިމިވާ ބާވަތުގެ ކަންތައްތަކަށް އުފައްދާ ޓްރަސްޓް އެކައުންޓްތަކެވެ. މި ހުރިހާ އެކައުންޓެއް ވެސް، ޓްރަސްޓް ފަންޑުގައި ހިމެނޭނެއެވެ.

  1. ދައުލަތުގެ ވަކި ބޭނުންތަކަކަށް ހަރަދުކުރުމަށް ބަޖެޓުގައި ކަނޑައަޅައި ފާސްކޮށްފައިވާ ފައިސާ ބެހެއްޓުމަށް؛
  2. ދައުލަތުގެ އޮފީހެއް ކަމުގައި ނުވާ އެހެން ފަރާތެއްގެ ބޭނުމަށް، ދައުލަތުން ފައިސާ ބަހައްޓައިދިނުމަށް؛
  3. ދައުލަތުގެ ވަކި ބޭނުމަކަށް ހަދިޔާގެ ގޮތުގައި ނުވަތަ ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއާއި، ވަކި ށަރުތުތަކެއްގެ މަތީން ދައުލަތަށް ލިބޭ ފައިސާ، ދައުލަތުގެ ފައިސާގެ ގޮތުގައި ވަގުތީގޮތުން ބެހެއްޓުމަށް؛
  4. ދައުލަތަށް ލިބޭ ފައިސާއެއްގެ ވަކި ބޭނުމެއް އެނގެންދެން، ވަގުތީގޮތުން ބެހެއްޓުމަށް؛
  5. ޓްރަސްޓް އެކައުންޓުގައި ބަހައްޓައިގެން ދޭންޖެހޭ ނުވަތަ ހަރަދުކުރަންޖެހޭ ގޮތަށް ވަކި ހާއްސަ ބޭނުމަކަށް ބަޖެޓުގައި ކަނޑައަޅާ ފާސްކޮށްފައިވާ ދައުލަތުގެ އެންމެހައި ފައިސާ ބެހެއްޓުމަށް؛
  6. އެހެން ގާނޫނަކުން ލާޒިމުކުރުމުން ޓްރަސްޓް އެކައުންޓެއްގައި ފައިސާ ބެހެއްޓުމަށް؛
  7. ހާއްސަ ބޭނުމަކަށް ލިބިފައިވާ ދައުލަތުގެ އެންމެހައި ފައިސާ ބެހެއްޓުމަށް.

(ނ) ބޭންކުގައި ވަކިން އެކައުންޓު ހުޅުވައިފައިވާ ޓްރަސްޓް އެކައުންޓްތަކާއި، ޕަބްލިކް ބޭންކް އެކައުންޓުގެ ގޮތުގައި ބޭނުންކުރާ ޓްރަސްޓް އެކައުންޓްތައް، ޓްރަސްޓް ފަންޑުގައި ހިމެނެއެވެ. ބޭންކުގައި ވަކިން އެކައުންޓެއް ހުޅުވައިފައިވާ ޓްރަސްޓް އެކައުންޓެއްނަމަ، އެ ބޭންކް އެކައުންޓުގައި ހިމެނޭ ފައިސާއަށްވުރެ އިތުރަކަށް ފައިސާއެއް ނުނެގޭނެއެވެ.

(ރ) މި ގަވާއިދުގެ ބޭނުމަށް ޓްރަސްޓް އެކައުންޓުގެ ގޮތުގައި ބަލާ އެކި ބާވަތުގެ އެކައުންޓުތައް ތިރީގައި މިވަނީއެވެ.

  1. ސަރުކާރުގެ ވިޔަފާރި ކުރުމަށް ބޭނުންކުރެވޭ ރިވޯލްވިންގ ފަންޑް ނުވަތަ ވަރކިންގ ކެޕިޓަލް ފަންޑް؛
  2. އިންޓްރަސްޓް ލިބޭ ޓްރަސްޓް އެކައުންޓްތައް (ކުށްވެރިންގެ ފައިސާ، ބޭރުމީހުން ދައްކާ ޑިޕޮޒިޓު ފައިސާ، ވާރިސަކު ނެތި އަދި ވަސިއްޔަތެއް ވެސް ނެތި ހުންނަ މުދަލަށް ލިބޭ ފައިސާ، ހާއްސަ އެހީގެ މަރުކަޒުތަކުގައި ތިބޭ މީހުންގެ ފައިސާ، ބޮންޑް، ޑިޕޮޒިޓްސް، އަދި މިބާވަތުގެ އެހެނިހެން ފައިސާ ބެހެއްޓުމަށް ހުޅުވާ އެކައުންޓުތައް).

(ބ) ސަސްޕެންސް އެކައުންޓުގެ ގޮތުގައި ބަލަހައްޓާ ޓްރަސްޓް އެކައުންޓްތަކަށް، ތިރީގައިމިވާ ބާވަތުގެ ކަންތައްތަކަށް ލިބޭ ފައިސާ ޖަމާކުރެވިދާނެއެވެ.

  1. ވަކި ހާއްސަ ބޭނުމަކަށް ބަހައްޓައިފައިވާ ރަށްރަށުގެ ނުވަތަ އަތޮޅުތަކުގެ ފައިސާ؛
  2. ވަކި ހާއްސަ ކަމަކަށް ބޭރުގެ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކަށް ލިބޭ ފައިސާ؛
  3. ތިންވަނަ ފަރާތަކަށް ބަހައްޓައިފައިވާ އެހެނިހެން ފައިސާ.

(ޅ) މާލީ ކޮންމެ އަހަރެއް ނިމޭއިރު، ޓްރަސްޓް އެކައުންޓުގެ ބާކީގައި ހުންނަ ފައިސާ، ޖެހިގެން އަންނަ މާލީ އަހަރަށް ގެންދެވޭނެއެވެ.

(ކ) ޓްރަސްޓް އެކައުންޓްގެ ހުރިހާ މުއާމަލާތެއް ވެސް ހިންގަންވާނީ، ދައުލަތުގެ ފައިސާގެ ހިސާބުތައް ބަލަހައްޓާ ނިޒާމުގެ ތެރެއިން، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

13.07 ވަނަ މާއްދާ - ޓްރަސްޓް އެކައުންޓް ހުޅުވުން

(ހ) ދައުލަތުގެ އޮފީހަކުން ޓްރަސްޓް އެކައުންޓެއް ހުޅުވުމަށް ބޭނުންވެއްޖެނަމަ، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ، ޑްރާފްޓް ޓްރަސްޓް ސްޓޭޓްމަންޓެއް ތައްޔާރުކުރުމަށްފަހު، މިނިސްޓްރީއަށް އެ ސްޓޭޓްމަންޓް ހުށަހަޅަންވާނެއެވެ. ޑްރާފްޓް ސްޓޭޓްމަންޓް ސައްހަތޯ، އެކައުންޓަންޓް ޖެނެރަލް ބެލުމަށްފަހު، މިނިސްޓަރަށް އެ ސްޓޭޓްމަންޓް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މިނިސްޓަރަށް ހުށަހަޅާ ޓްރަސްޓް ސްޓޭޓްމަންޓް ތައްޔާރުކުރާނީ، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީންނެވެ.

(ނ) ޓްރަސްޓް ސްޓޭޓްމަންޓުގައި ޓްރަސްޓް އެކައުންޓް ހުޅުވުމާއި ޓްރަސްޓް ފަންޑް ގާއިމުކުރުމުގެ ހުއްދަ ދީފައި ސޮއިކުރާނީ މިނިސްޓަރެވެ. ހުއްދަދޭ ލިޔުމުގެ 3 (ތިނެއް) ކޮޕީގައި މިނިސްޓަރު ސޮއިކުރަންވާނެއެވެ. މީގެ ތެރެއިން 1 (އެކެއް) ކޮޕީ، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާއާ ހަވާލުކުރަންވާނެއެވެ. 2 ވަނަ ކޮޕީ ފޮނުވާނީ، އޮޑިޓަރ ޖެނެރަލަށެވެ. 3 ވަނަ ކޮޕީ އޮންނަންވާނީ، މިނިސްޓްރީގައެވެ.

(ރ) ޓްރަސްޓް ސްޓޭޓްމަންޓުގައި އިގްރާރުވެފައިވާ ގޮތަށާއި، ޓްރަސްޓް ފަންޑުގެ އެންމެހައި މުއާމަލާތްތައް މި ގަވާއިދާ އެއްގޮތަށް ބަލަހައްޓަމުން ނުގެންދާކަމަށް މިނިސްޓަރަށް ފެނިއްޖެނަމަ، ތިރީގައިމިވާ ގޮތުގެ މަތީން އަމަލުކުރެވިދާނެއެވެ.

  1. ޓްރަސްޓް ސްޓޭޓްމަންޓް އިސްލާހުކޮށް، އަދި ޓްރަސްޓް އެކައުންޓުގެ އެޑްމިނިސްޓްރޭޓަރ، ޓްރަސްޓް ފަންޑް ހިންގުމުގެ މަސްއޫލިއްޔަތުން ވަކިކޮށް، ނުވަތަ މައްސަލަ ތަހުގީގުކޮށް ވަކި ގޮތެއް ނިންމެންދެން އެކަހެރިކުރުމަށްފަހު، އެޑްމިނިސްޓްރޭޓަރުގެ ވާޖިބު އަދާކުރުމަށް އެހެން މުވައްޒަފަކު އައްޔަނުކުރުން؛
  2. އެކައުންޓު ހިންގި ގޮތް ތަހުގީގުކުރުން؛
  3. ތަހުގީގުގެ ހޯދުންތަކަށް ބަލާއިރު އެކަހެރިކުރި އެޑްމިނިސްޓްރޭޓަރ ޒިންމާވާންޖެހޭ ކަމެއް ނެތްނަމަ، އެޑްމިނިސްޓްރޭޓަރ އަނބުރާ އެ މަގާމަށް އިއާދަކުރުން؛
  4. ތަހުގީގުގެ ހޯދުންތަކަށް ބެލުމަށްފަހު އެކައުންޓު ބެލެހެއްޓުމަށް އިސްލާހީ ފިޔަވަޅެއް އަޅަންޖެހޭނަމަ، އެ ފިޔަވަޅެއް އެޅުމާއި، އެކައުންޓު ބަންދުކުރަންޖެހޭކަމަށް ފެނިއްޖެނަމަ، އެކައުންޓު ބަންދުކުރުން.

 

13.08 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުން ފަންޑު އެކައުންޓް ހުޅުވައި ހިންގުމުގައި އަމަލުކުރަންޖެހޭ ގޮތް

(ހ) ވަކި ގާނޫނެއްގެ ދަށުން ބާރު ލިބިގެން، ދައުލަތުގެ އޮފީސްތަކުން ހުޅުވައި ހިންގަންޖެހޭ ފަންޑުތައް ހުޅުވައި ހިންގުމުގައި، ހުރިހާ ފަންޑުތަކެއްގެ މައިގަނޑު ސިފަތައް އެއްގޮތަށް ބެހެއްޓުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ހިސާބު ބެލެހެއްޓުމާއި ގެންގުޅުމުގައި ހަރުދަނާ އެއް އުސޫލުތަކެއް އޮތުން ބޭނުންވާނެތީ، ދައުލަތުގެ އޮފީހަކުން އެފަދަ ފަންޑެއް ހުޅުވައިގެން އެ ފަންޑު ހިންގަން ބޭނުންވާނަމަ، އެ ފަންޑަކާބެހޭ ތިރީގައިމިވާ މައުލޫމާތު ހިމެނޭގޮތަށް "ފަންޑް ސްޓޭޓްމަންޓް" ތައްޔާރުކޮށް ފަންޑު ހުޅުވުމަށް ބޭނުންވާ ދުވަހުގެ 15 (ފަނަރަ) ދުވަހުގެ ކުރިން މިނިސްޓްރީއަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ. އަދި މި ހުށަހެޅުން މިނިސްޓްރީއަށް ލިބޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކަމާމެދު ފެންނަ ގޮތެއް އެ އޮފީހަކަށް ލިޔުމަކުން އަންގަންވާނެއެވެ.

  1. ފަންޑު ހުޅުވުމަށް ބަޔާންކޮށްފައިވާ ގާނޫނުގެ ނަމާއި، ނަންބަރާއި، ތާރީހު؛
  2. ފަންޑުގެ ނަން؛
  3. ފަންޑުގެ ބޭނުން؛
  4. ފަންޑަށް ޖަމާކުރާ ފައިސާގެ ބާވަތް؛
  5. ފަންޑުން ހޭދަކުރެވޭ ކަންތައްތައް؛
  6. ފަންޑު ހިންގުމުގައި ޒިންމާ އުފުލާ ފަރާތް؛
  7. ފަންޑު ހިންގުމަށް ޓަކައި ޓްރަސްޓް އެކައުންޓެއް ހުޅުވަން ބޭނުންވާނަމަ އެކަން؛
  8. ފަންޑު އެކައުންޓު ބަންދުކުރާނެ ތާރީހާއި، ބަންދުކުރާއިރު އެކައުންޓުގައި ހުންނަ ފައިސާއާމެދު އަމަލުކުރާނެ ގޮތެއް.

(ށ) ފަންޑަށް ލިބޭ ފައިސާ ބަލައިގަތުމާއި، ހަރަދުކުރުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި އަމަލުކުރަންވާނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) ފަންޑު އެކައުންޓުގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބު، މި ގަވާއިދުގެ 15.02 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ތައްޔާރުކޮށްފައި އެ ފަންޑެއްގެ ބައިވެރިންނަށް ފެންނަގޮތަށް އާންމުކުރަންވާނެއެވެ.

(ރ) ފަންޑު ހުޅުވުމަށް ހުށަހަޅަންޖެހޭ "ފަންޑް ސްޓޭޓްމަންޓް" މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން ތައްޔާރުކޮށްފައި ފޮނުވަންވާނެއެވެ.

 

13.09 ވަނަ މާއްދާ - ބޭންކް އެކައުންޓުތަކުގެ ހިސާބު ބެލެހެއްޓުމާއި ރިކޮންސައިލްކުރުން

ޕަބްލިކް ބޭންކް އެކައުންޓާ ވަކިން ބޭންކް އެކައުންޓެއް ހިންގައި ބަލަހައްޓާނަމަ، އެކަމާ ހަވާލުވެހުރި މާލީ ޒިންމާދާރު ވެރިޔާ، ތިރީގައިވާ ކަންތައްތައް ކުރަންވާނެއެވެ.

(ހ) ކޮންމެ ބޭންކް އެކައުންޓެއްގެ ހިސާބުތަކާއި ލިޔުންތައް ވަކިން ބެލެހެއްޓުން.

(ށ) އެކައުންޓު ހިންގުމުގައި އެކަށީގެންވާ ކޮންޓްރޯލް ގާއިމުކުރުން.

(ނ) މަދުވެގެން މަހަކު އެއްފަހަރު އެކައުންޓު ރިކޮންސައިލްކުރުން.

(ރ) ލިބުނު ފައިސާ ހަމަޔަށް ބޭންކަށް ޖަމާކޮށްފައިވާކަމާއި، ޖަމާކުރި ފައިސާއާއި ހަރަދުކުރެވުނު ފައިސާ ރަނގަޅަށް ހިސާބުތަކުގައި ހިމެނިފައިވާކަމުގެ ޔަގީންކަން ހޯދުން.

(ބ) ވޭތުވެދިޔަ މަހުގެ ރިކޮންސިލިއޭށަން ސްޓޭޓްމަންޓް ތައްޔާރުކޮށް، ތައްޔާރުކުރި ފަރާތާއި މާލީ ޒިންމާދާރު ވެރިޔާ ސޮއިކޮށް، ހިނގާ މަހުގެ 15 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ފޮނުވުން.

 

13.10 ވަނަ މާއްދާ - ޕަބްލިކް ފަންޑްތަކުގެ ހިސާބު ބެލެހެއްޓުން

(ހ) ތިރީގައިވާ ޕަބްލިކް ފަންޑްތަކުގެ ހިސާބުތައް، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތީން މިނިސްޓްރީން ލިޔެ ބަލަހައްޓަންވާނެއެވެ.

  1. ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑް؛
  2. ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑް؛
  3. އެޑްވާންސް ފަންޑް؛
  4. ޓްރަސްޓް ފަންޑް.

(ށ) ޕަބްލިކް ފަންޑްތަކުގައި ހުރި ފައިސާގެ ޖުމުލަ، ޕަބްލިކް ބޭންކް އެކައުންޓުގައި ހުރި ފައިސާއާއި، މި ގަވާއިދުގެ 13.02 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ދައުލަތުން އިންވެސްޓްކޮށްފައިވާ ފައިސާގެ ޖުމުލަ އަދަދާ އެއްވަރުވާންވާނެއެވެ.

(ނ) ދައުލަތުން އިންވެސްޓްކުރާ ފައިސާގެ ޕްރިންސިޕަލް އަދަދު ފިޔަވައި، ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރެވޭ ހުރިހާ ފައިސާއެއް، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތީން ހިސާބުކޮށް، ޕަބްލިކް ފަންޑްތަކުގެ ހިސާބުތަކުގައި އޭގެ ތަފުސީލު ހިމަނަންވާނެއެވެ.

 

13.11 ވަނަ މާއްދާ - އެޑްވާންސް ފަންޑާއި، އެ ފަންޑު ބޭނުންކުރެވޭ ގޮތް

(ހ) އެޑްވާންސް ފަންޑުން ފައިސާ ދޫކުރެވޭނީ، ތިރީގައިމިވާ ގޮތްތަކުންކުރެ ގޮތެއް މެދުވެރިވެގެންނެވެ.

  1. އާންމު ހިދުމަތްތަކަށާއި، ކެޕިޓަލް ހަރަދުތަކަށް ވަގުތީގޮތުން ދޭންޖެހޭ ފައިސާ ދިނުމަށް؛
  2. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއް ނެތް ރަށެއްގައި، ނުވަތަ ރާއްޖެއިން ބޭރުގައި ހިންގާ ސަރުކާރުގެ އޮފީސްތަކުގެ ހަރަދުތަކަށް ފައިސާ ދިނުމަށް.

(ށ) މި މާއްދާގެ (ހ) ގައިވާ ކަންތައްތަކުގެ އިތުރުން، ތިރީގައި މިވާ ފަދަ ކަންތައްތަކާ ގުޅިގެން ވެސް، އެޑްވާންސް ފަންޑުން ފައިސާ ދޫކުރެވިދާނެއެވެ.

  1. ކުރިން ވިސްނައިގަންނަން ނުވަތަ ރާވަން ނޭނގޭގޮތަށް ކުއްލިއަކަށް ދިމާވާ ކަމަކާ ގުޅިގެން ދޫކުރަންޖެހޭ ފައިސާ ދޫކުރުމަށް؛
  2. ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތީން އެހެން އެއްވެސް ޕަބްލިކް ފަންޑަކުން ފައިސާ ދޫކުރެވެން ނެތް ހާލަތެއްގައި ފައިސާ ދޫކުރުމަށް؛
  3. އާންމު ހިދުމަތްތަކަށާއި ކެޕިޓަލް ހަރަދުތަކަށް ވަގުތީގޮތުން ދޭންޖެހޭ ފައިސާ ދޫކުރުމަށް.

(ނ) އެޑްވާންސް ފަންޑުން ފައިސާ ނެގުމަށް ޓަކައި، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ މިނިސްޓްރީއަށް ހުށަހަޅަންވާނީ، އެކައުންޓަންޓް ޖެނެރަލް ކަނޑައަޅާ ފޯމެޓަކާ އެއްގޮތަށް، މާލީ ޒިންމާދާރު ވެރިޔާއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަމަކަށް މިނިސްޓަރުގެ ހުއްދަ ލިޔުމަކުން ލިބިގެން، އެ ލިޔުމުގައިވާ ގޮތުގެ މަތީން މެނުވީ، އެޑްވާންސް ފަންޑުން ފައިސާ ދޫކޮށްގެން ނުވާނެއެވެ.

(ބ) އެޑްވާންސް ފަންޑުން ފައިސާ ނެގުމަށް، ހިނގާ މާލީ އަހަރުގެ ތެރޭގައި ދީފައިވާ ހުއްދަ، އެ އަހަރުގެ ޑިސެންބަރުމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބާތިލުވާނެއެވެ.

 

13.12 ވަނަ މާއްދާ - ސޮވްރިން ޑިވެލޮޕްމެންޓް ފަންޑް

(ހ) ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ފައިސާ އިންވެސްޓްކުރުމަށާއި، ދައުލަތުގެ ދަރަނި އަދާކުރުމަށާއި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ބޭނުމަށް ޓަކައި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ކަސްޓޯޑިއަން އެކައުންޓެއް ގާއިމުކޮށް ބަލަހައްޓަންވާނެއެވެ.

(ށ) ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަކީ، ޕަބްލިކް ބޭންކް އެކައުންޓާ ވަކިން ގާއިމުކޮށްފައިވާ ފަންޑެކެވެ.

 

13.13 ވަނަ މާއްދާ - ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ހިންގުމުގެ ސިޔާސަތު ކަނޑައެޅުން

(ހ) ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ހިންގުމުގެ އެންމެހައި ކަންކަން ހިމެނޭގޮތަށް ފަންޑު ހިންގުމުގެ ސިޔާސަތު، މިނިސްޓަރުގެ ލަފާގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންވާނެއެވެ. އަދި މި ސިޔާސަތު، މަދުވެގެން އަހަރަކު އެއްފަހަރު މުރާޖައާ ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިޔާސަތުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާނެ ފައިސާއަކީ ކޮބައިކަން؛
  2. ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ހިމެނޭ ފައިސާއިން އިންވެސްޓްކުރުމުގެ ސިޔާސަތާއި، އެކަމުގެ އަސާސްތަކާއި، އެކަމާ ގުޅޭ އިޖުރާއަތުތައް؛ 
  3. ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުން ފައިސާ ހަރަދުކުރެވޭނެ ހާލަތްތަކާއި، އެކަމާ ގުޅޭ އިޖުރާއަތުތައް.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ އިންވެސްޓްމަންޓް ޕޮލިސީ އެކުލަވައިލައި، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުމަށް ޓަކައި މިނިސްޓަރަށް ފޮނުވަންވާނީ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ އިންވެސްޓްމަންޓް ކޮމިޓީންނެވެ.

 

13.14 ވަނަ މާއްދާ - ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ އިންވެސްޓްމަންޓް ކޮމިޓީ އެކުލެވިގެންވާ ގޮތް

(ހ) ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުން އިންވެސްޓްކުރުމާ ގުޅޭ އެންމެހައި ނިންމުންތައް ނިންމުމަށް ޓަކައި، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވޭ އިންވެސްޓްމަންޓް ކޮމިޓީއެއް، މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރަންވާނެއެވެ. 
 
 
 
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީ އެކުލެވިގެންވަނީ އަންނަނިވި ފަދައިންނެވެ.

  1. ދައުލަތުގެ އެކައުންޓަންޓް ޖެނެރަލް (ކޮމިޓީގެ ޗެއަރޕަރސަން)؛
  2. މިނިސްޓްރީ އޮފް ފިނޭންސްގެ ދަރަނި މެނޭޖްކުރުމާ ގުޅޭ ޑިޕާޓްމަންޓުގެ އިސް މުވައްޒަފެއް؛
  3. މިނިސްޓްރީ އޮފް ފިނޭންސްގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ އިސް މުވައްޒަފެއް؛
  4. އިންވެސްޓްމަންޓާ ގުޅޭ ދާއިރާއަކުން ތައުލީމު ހާސިލުކޮށްފައިވާ ނުވަތަ އެ ދާއިރާގެ ތަޖުރިބާހުރި 2 (ދޭއް) ފަރާތެއް.

 

13.15 ވަނަ މާއްދާ - ކޮމިޓީގެ މުއްދަތާއި، މެންބަރުން ވަކިވުން

(ހ) ކޮމިޓީއަށް މެންބަރުން އައްޔަނުކުރާނީ، 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) އަންނަނިވި ހާލަތްތަކުގައި ކޮމިޓީގެ މެންބަރުން މަގާމުން ވަކިވާނެއެވެ.

  1. ކޮމިޓީއަށް މެންބަރަކު އައްޔަނުކޮށްފައިވަނީ އެ ފަރާތުގެ މަގާމުގެ ހައިސިއްޔަތުން ކަމަށް ވެފައި، އެ ފަރާތް އެ މަގާމަކުން ވަކިވުން؛
  2. ކޮމިޓީއަށް މެންބަރު އައްޔަނުކޮށްފައިވާ މުއްދަތު ހަމަވުން؛
  3. ކޮމިޓީން މެންބަރު ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމުން؛
  4. ކޮމިޓީގެ މެންބަރެއްގެ މައްޗަށް ޖިނާއީ އެއްވެސް ކުށެއް ސާބިތުވުން؛
  5. ކޮމިޓީގެ މެންބަރަކު ކޮމިޓީން އިސްތިއުފާ ދިނުން.

 

13.16 ވަނަ މާއްދާ - ކޮމިޓީ ހިންގުމާ ގުޅޭ ކަންކަން

(ހ) ކޮންމެ އަހަރެއްގެ ތެރޭގައި މަދުވެގެން 12 (ބާރަ) ބައްދަލުވުން ބާއްވަންވާނެއެވެ.

(ށ) ކޮމިޓީގެ ނިންމުންތައް ނިންމާނީ، މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި އާންމު އުސޫލެއްގެ ގޮތުން ކޮމިޓީގެ ޗެއަރޕަރސަން ވޯޓު ނުލިޔަސް، އެހެން މެންބަރުންގެ ވޯޓު އެއްވަރުވުމުގެ ސަބަބުން ގޮތް ނިންމުމަށް ޓަކައި ޗެއަރޕަރސަނަށް ވޯޓުލެވިދާނެއެވެ.

(ނ) ކޮމިޓީގެ ކޯރަމަކީ 4 (ހަތަރެއް) މެންބަރުންނެވެ.

(ރ) ކޮމިޓީ ހިންގުމުގެ ތަފުސީލުތައް ބަޔާންކުރާ، ހިންގާ ގަވާއިދެއް، ކޮމިޓީން ފާސްކުރަންވާނެއެވެ.

 

13.17 ވަނަ މާއްދާ - ކޮމިޓީގެ ސެކްރެޓޭރިއަޓް

ކޮމިޓީގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ، މިނިސްޓްރީ އޮފް ފިނޭންސުންނެވެ.

 

13.18 ވަނަ މާއްދާ - ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ބެލެހެއްޓުން

(ހ) ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ކަސްޓޯޑިއަންގެ ހައިސިއްޔަތުން އެ ފަންޑު ބަލަހައްޓާނީ، މިނިސްޓްރީގެ ލަފާގެ މަތީން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ. 

(ށ) ފަންޑު ބެލެހެއްޓުމާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހައިސިއްޔަތާއި އިލްތިޒާމްތައް ބަޔާންކޮށްފައިވާ، އަންނަނިވި ކަންކަން ހިމެނޭ ކަސްޓޯޑިއަން އެގްރިމަންޓެއް މިނިސްޓްރީއާއި އެ އޮތޯރިޓީއާ ދެމެދުގައި ހަދަންވާނެއެވެ.

  1. ފަންޑުން ޓްރާންސެކްށަން ހެދުމާބެހޭ އިޖުރާއަތުތައް؛
  2. ފަންޑާ ގުޅޭގޮތުން އޮތޯރިޓީންނާއި މިނިސްޓްރީން ޒިންމާވާންޖެހޭ ކަންކަން؛ 
  3. ފަންޑު ބެލެހެއްޓުމާބެހޭ ފީއެއް އޮންނަ ނަމަ، ފީގެ މިންވަރު.

(ނ) ފަންޑުގެ ހިސާބުތަކުގެ ތަފުސީލު، ކޮންމެ ހަފުތާއަކު އެއްފަހަރު، އޮތޯރިޓީން މިނިސްޓްރީއަށް ފޮނުވަންވާނައެވެ. އަދި، ފަންޑާ ގުޅޭ އެއްވެސް މައުލޫމާތެއް ހޯދުމަށް މިނިސްޓްރީން އެދިއްޖެނަމަ، ލަސްނުކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިނިސްޓްރީއަށް އެ މައުލޫމާތެއް ފޯރުކޮށްދޭންވާނެއެވެ.

 

13.19 ވަނަ މާއްދާ - ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ހިސާބުތައް ބެލެހެއްޓުން

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑާ ގުޅޭ އެންމެހައި ހިސާބުތައް ބަލަހައްޓަންވާނީ، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ހަމަތަކާ އެއްގޮތަށެވެ.

 

13.20 ވަނަ މާއްދާ - ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު އޮޑިޓްކުރުން

(ހ) ސޮވްރިން ޑިވެލޮޕްމަންޓުގެ އެންމެހައި ހިސާބުތައް، އަހަރަކު 1 (އެކެއް) ފަހަރު، އޮޑިޓަރ ޖެނެރަލް އޮޑިޓްކުރަންވާނެއެވެ.

(ށ) ފަންޑު އޮޑިޓްކުރުމަށް ބޭނުންވާ އެންމެހައި މައުލޫމާތުތައް އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތީން، މިނިސްޓްރީއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން، އޮޑިޓަރ ޖެނެރަލަށް ފޯރުކޮށްދޭންވާނެއެވެ.

(ނ) ފަންޑުގެ އޮޑިޓް ރިޕޯޓް، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

 

ބާބު 14

ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި، ލޯނަށް ފައިސާ ދޫކުރުމާއި، ގެރެންޓީދިނުން

 

14-01 ވަނަ މާއްދާ - ދައުލަތުން ދަރަންޏަށް ފައިސާ ނެގުން

(ހ) ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެއް ހުށަހަޅަންވާނީ، މި ގަވާއިދުގައިވާ ގޮތުގެ މަތީން، މިނިސްޓަރަށެވެ.

(ށ) ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން، ނުވަތަ ދިވެހި ސަރުކާރު މެދުވެރިވެގެން ދައުލަތުގެ ކުންފުންޏަކަށް އެއްވެސް ދަރަންޏެއް ނަގަންވާނީ، އެ އަހަރެއްގެ އަހަރީ ބަޖެޓުގައި ކަނޑައަޅައިފައިވާ މިންވަރަށްވުރެ އިތުރުނުވާނެ ގޮތަކަށް، ތިރީގައިމިވާ މައުލޫމާތު ހިމެނޭގޮތަށް، މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެކަން އެގޮތަށް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

  1. ދަރަނި ނެގުމުގެ ސަބަބުން ގައުމުގެ ތަރައްގީއަށާއި އިގުތިސާދަށް ކުރާނެ ފައިދާއަކީ ކޮބައިކަން؛
  2. ދަރަނި ނެގުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ކުރާނޭ އަސަރު ދިރާސާކުރުމަށްފަހު، ކަނޑައަޅާ މުއްދަތާއި، މިންވަރާއި، ދަރަނި އަނބުރާ ދެއްކުމަށް ހިނގާނެ ހަރަދާއި، ދަރަނި ނެގުމަށް ޓަކައި ނުވަތަ ދަރަނި ހޯދުމަށް ޓަކައި ކުރަންޖެހޭނެ އެންމެހައި ހަރަދުތަކުގެ ތަފުސީލު؛
  3. ދަރަނި ނަގާ ބޭނުމާއި، ކަނޑައަޅާ މުއްދަތުގެ ތެރޭގައި ދަރަނި އަދާކުރާނެކަމުގެ ޔަގީންކަން އޮވެގެން މި ކަންކަން ބަޔާންކޮށް، ދަރަނި ނަގާ ފަރާތުން ތައްޔާރުކޮށް މިނިސްޓަރަށް ހުށަހަޅާ ދިރާސާ ރިޕޯޓު.

 

14-02 ވަނަ މާއްދާ - ދަރަންޏެއް ނެގުމަށް އެދި މިނިސްޓަރަށް ހުށަހަޅަންޖެހޭ މައުލޫމާތު

ދަރަންޏަށް ފައިސާ ނެގުމަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެއް މިނިސްޓަރަށް ހުށަހަޅާއިރު، ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ދަރަންޏަށް ނަގަން ބޭނުންވާ ފައިސާގެ އަދަދު.

(ށ) ދަރަނީގެ ގޮތުގައި ނަގަން ބޭނުންވާ ފައިސާއާ ގުޅިގެން، ދަރަނި އަދާކުރުމަށް ހިނގާނެ ހަރަދާއި، މުއްދަތާއި، ދަރަނި ނެގުމަށް ޓަކައި ނުވަތަ ދަރަނި ހޯދުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ހަރަދުތަކުގެ ތަފުސީލު.

(ނ) ދަރަނި ނެގުމުގެ ބޭނުމާއި، ދަރަނި ނެގުމުގެ ސަބަބުން ހާސިލުވާނެ ތަރައްގީގެ އަމާޒަކީ ކޮބައިކަމާއި، ގައުމަށް ކުރާނެ ފައިދާއާއި، ގައުމުގެ އިގުތިސާދީ ހާލަތާއި މާލީ ހާލަތަށް ކުރާނެ ހެޔޮ އަސަރާއި ނުރަނގަޅު އަސަރުގެ ތަފުސީލު.

(ރ) ދަރަންޏަށް ފައިސާ ނެގުމުން، ދައުލަތުގެ ފަރާތުން ދަރަނީގެ ގޮތުގައި އުފުލަންޖެހޭ ހުރިހާ އިލްތިޒާމުތަކެއްގެ ތަފުސީލު.

 

14-03 ވަނަ މާއްދާ - ދައުލަތުގެ ނަމުގައި ގެރެންޓީ ދިނުން

(ހ) ދައުލަތުގެ ނަމުގައި ގެރެންޓީއެއް ދިނުމަށް އެދި ހުށަހަޅާ ކޮންމެ ހުށަހެޅުމެއް ހުށަހަޅަންވާނީ، މި ގަވާއިދުގައިވާ ގޮތުގެ މަތީން، މިނިސްޓަރަށެވެ.

(ށ) ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރު މެދުވެރިވެގެން ދައުލަތުގެ ކުންފުންޏަކަށް ނަގާ ދަރަންޏަކާ ގުޅިގެން، ނުވަތަ ދައުލަތުގެ ނަމުގައި ހިންގާ މުއާމަލާތަކާ ގުޅިގެން، ދައުލަތުގެ ނަމުގައި ނުވަތަ ދައުލަތުގެ ކުންފުންޏެއްގެ ނަމުގައި ދިވެހި ސަރުކާރުން ގެރެންޓީއެއް ދޭންވާނީ، ނުވަތަ ދައުލަތުގެ މުދަލެއް ނުވަތަ ހައްގެއް ނުވަތަ މަސްލަހަތެއް ރަހުނުކުރަންވާނީ، ނުވަތަ ދައުލަތުގެ މުދަލަކާ ގުޅޭގޮތުން ނުވަތަ ފައިސާއަކާ ގުޅޭގޮތުން އެއްވެސް ފަރާތަކަށް އަހުދެއް ނުވަތަ ކަށަވަރުކަމެއް ދޭންވާނީ، މި ގަވާއިދުގެ 14.02 ވަނަ މާއްދާގައިވާ ތަފުސީލު ހިމަނައިގެން ރިޕޯޓެއް ތައްޔާރުކޮށް، މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް އެ ރިޕޯޓު ހުށަހަޅައި، އެކަން އެގޮތަށް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

 

14-04 ވަނަ މާއްދާ - ގެރެންޓީ ދިނުމާއި ރަހުނުކުރުމަށާއި އަހުދެއް ނުވަތަ ކަށަވަރުކަމެއް ދިނުމަށް އެދި މިނިސްޓަރަށް ހުށަހަޅުން

ގެރެންޓީއެއް ދިނުމަށް، ނުވަތަ ދައުލަތުގެ މުދަލެއް ނުވަތަ ހައްގެއް ނުވަތަ މަސްލަހަތެއް ރަހުނުކުރުމަށް ނުވަތަ ދައުލަތުގެ މުދަލަކާ ގުޅޭގޮތުން ނުވަތަ ފައިސާއަކާ ގުޅޭގޮތުން އަހުދެއް ނުވަތަ ކަށަވަރުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެއްގައި، ތިރީގައިމިވާ ތަފުސީލު ބަޔާންކުރަންވާނެއެވެ.

(ހ) ދައުލަތުގެ ނަމުގައި ދޭން ބޭނުންވާ ގެރެންޓީގެ ނުވަތަ ރަހުނުކުރަން ބޭނުންވާ ދައުލަތުގެ މުދަލުގެ ނުވަތަ ހައްގުގެ ނުވަތަ މަސްލަހަތުގެ ނުވަތަ އަހުދުގެ ނުވަތަ ކަށަވަރުކަމުގެ ތަފުސީލު.

(ށ) ހާސިލުވާނެ ތަރައްގީގެ އަމާޒަކީ ކޮބައިކަމާއި، އެކަމުގެ ސަބަބުން ގައުމަށް ކުރާނެ ފައިދާއަކީ ކޮބައިކަން.

(ނ) ގައުމުގެ އިގުތިސާދީ ހާލަތަށް ނުވަތަ މާލީ ހާލަތަށް ކުރާނެ ހެޔޮ އަސަރާއި ނުރަނގަޅު އަސަރުގެ ތަފުސީލު.

(ރ) ދައުލަތުގެ ފަރާތުން އުފުލަންޖެހޭ ހުރިހާ އިލްތިޒާމުތަކެއްގެ ޖުމުލަ ތަފުސީލާއި، އެ ކަންތައްތައް ނިމުމަކަށް އަންނާނެ ތާރީހު.

 

14-05 ވަނަ މާއްދާ - ދައުލަތުގެ ނަމުގައި ސޮވްރިން ގެރެންޓީ ދޫކުރުން

(ހ) ދައުލަތުގެ ނަމުގައި ސޮވްރިން ގެރެންޓީއެއް ދޫކުރަންވާނީ، ސޮވްރިން ގެރެންޓީ ދިނުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކޮށް މި ގަވާއިދުގެ ދަށުން އެކުލަވައިލާ ސޮވްރިން ގެރެންޓީ ދޫކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލު، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަޔާއެކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަން ވާނެއެވެ. މި އުސޫލުގައި، އެންމެ މަދުވެގެން ވެސް، އަންނަވި ކަންކަން ހިމަނަންވާނެއެވެ.

  1. ގެރެންޓީއަށް އެދެވޭނެ ފަރާތްތަކާއި މަށްރޫއުތައް؛
  2. ގެރެންޓީއަށް އެދި ހުށަހަޅާނޭ ގޮތް؛
  3. ގެރެންޓީއަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް؛
  4. ގެރެންޓީ ދޫނުކުރެވޭނެ ފަރާތްތައް،
  5. މަށްރޫއުގެ ފީޒިބިލިޓީ ސްޓަޑީ؛
  6. ގެރެންޓީކުރުމަށް އެދި ހުށަހަޅާ ދަރަނީގެ މައުލޫމާތު؛
  7. ގެރެންޓީދެވޭ ލިމިޓާއި، ގެރެންޓީގެ ބާވަތް؛
  8. ގެރެންޓީއަށް އެދި ހުށަހަޅާ ފަރާތުން ދައްކަންޖެހޭ ފީތައް؛
  9. ގެރެންޓީ ދޫކުރުމާއި، ގެރެނޓީގެ އާންމު އުސޫލުތައް؛
  10. ގެރެންޓީ މޮނިޓަރ ކުރާނެ ގޮތް؛
  11. ގެރެންޓީ ކޯލްކުރާނެ ގޮތް؛
  12. އޮޑިޓްކުރުމާއި މައުލޫމާތު އާންމުކުރުން.

 

14-06 ވަނަ މާއްދާ - ދަރަންޏާއި ގެރެންޓީގެ ހަރަދާއި ހިސާބު ބެލެހެއްޓުން

(ހ) ދައުލަތުން ދަރަނި ނަގާނަމަ، ދަރަންޏަށް ނެގި ޕްރިންސިޕަލް އަދަދާއި، ދަރަނި ދެއްކުމަށް ހިނގާނެ ހަރަދު، ބަޖެޓުގައި ކަނޑައެޅި ފާސްވެފައިވާ ގޮތުގެ މަތީން ދޭންވާނީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންނެވެ. އަދި ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން ގެރެންޓީ ދިނުމާއި، ރަހުނުކުރުމާއި، އަހުދުކަށަވަރު ދިނުމުގައި ކުރަންޖެހޭ އެންމެހައި ހަރަދުތަކަށްވާ ފައިސާ ހަރަދުކުރާނީ، ބަޖެޓުގައި ކަނޑައެޅި ފާސްވެފައިވާ ގޮތުގެ މަތީން، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންނެވެ.

(ށ) ދައުލަތުން ނަގައިފައިވާ ދަރަންޏާއި، ދައުލަތުގެ ފަރާތުން ދޭ ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގްސްގެ ހިސާބުތައް، މިނިސްޓްރީން ލިޔެ ބަލަހައްޓަންވާނެއެވެ.

(ނ) ދައުލަތުން ހަރަދުކުރުމަށް މާލިއްޔަތަށް ބޭނުންވާ ފައިސާ ހޯދުމުގެގޮތުން ދަރަންޏަށް ފައިސާ ނެގުމަށް، މި ގަވާއިދުގެ 14.01 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެދެވޭނީ، ހަމައެކަނި މިނިސްޓަރަށެވެ.

(ރ) ކުރު މުއްދަތުގެ ނުވަތަ ދިގު މުއްދަތުގެ ދަރަނި ނެގުމަށް ބޭނުންވާ ފައިސާގެ މިންވަރާބެހޭ ރިޕޯޓެއް، މިނިސްޓަރު ކަނޑައަޅާ މުއްދަތެއްގައި ތައްޔާރުކޮށްފައި މިނިސްޓަރަށް ހުށަހަޅާނީ، މިނިސްޓަރު ކަނޑައަޅާ ފަރާތަކުންނެވެ.

(ބ) މިނިސްޓްރީން "ދަރަނީގެ ރަޖިސްޓަރީ" އެއް ބަލަހައްޓަންވާނެއެވެ. މި ރަޖިސްޓަރީގައި، ދައުލަތަން ނަގައިފައިވާ ހުރިހާ ދަރަންޏަކާބެހޭ ތަފުސީލު ހުންނަންވާނެއެވެ. މި ރަޖިސްޓަރީ ތައްޔާރުކޮށް ބަލަހައްޓާނީ، މިނިސްޓަރު ކަނޑައަޅާ ގޮތެއްގެ މަތީން، މިނިސްޓަރު ކަނޑައަޅާ ފަރާތަކުންނެވެ.

(ޅ) ދަރަނީގެ ރަޖިސްޓަރީގައި، އެންމެ މަދުވެގެން ވެސް، ތިރީގައިމިވާ މައުލޫމާތުތައް ހުންނަންވާނެއެވެ.

  1. ދަރަނި ދޫކުރި ފަރާތުގެ ނަމާއި، ދަރަނި ނަގައިފައިވާ ފަރާތުގެ ނަމާއި، ދަރަނީގެ ރިފަރެންސް ނަންބަރު؛
  2. ދަރަނީގެ އަދަދާއި، ފައިސާގެ ބާވަތާއި، ދަރަނި ނެގުމަށް ހިނގާ އެހެނިހެން ހަރަދު؛
  3. ދަރަނި އިފެކްޓިވްވި ތާރީހާއި، އެންމެފަހުން ފައިސާ ނެގޭނެ ތާރީހާއި، ގްރޭސް ޕީރިއަޑުގެ ތަފުސީލާއި، ދަރަނީގެ މުއްދަތު؛
  4. ދަރަނި ހަމަޖެއްސުމާ ގުޅޭގޮތުން ކުރި ދިރާސާ ރިޕޯޓާއި ލިޔެކިޔުންތަކުގެ ހުލާސާއާއި، ދަރަނި ނެގުމާ ގުޅިގެން މުޖުތަމައަށް ކުރާނެ ފައިދާގެ ހުލާސާއެއް؛
  5. ދަރަނި އަނބުރާ ދައްކަން ފަށަންޖެހޭ ތާރީހާއި، ފައިސާ ދައްކާނެ ގޮތުގެ ތާވަލު (ރިޕޭމަންޓް ށެޑިއުލް)؛
  6. ޕްރިންސިޕަލް އަދަދާއި، އިންޓަރެސްޓުގެ ތަފުސީލާއި، ސިންކިންގ ފަންޑަށް ފައިސާ ޖަމާކުރަންޖެހޭނަމަ ޖަމާކުރަންވީ އަދަދު.

 

14-07 ވަނަ މާއްދާ - ދައުލަތުން ލޯނު ދޫކުރުން

(ހ) ދައުލަތުން ލޯނުގެ ގޮތުގައި ފައިސާ ދޫކުރަންވާނީ، ލޯނު ދޫކުރުމަށް ބޭނުންވާ ފައިސާ ގާނޫނީ ހަމަތަކުގެ މަތީން ލިބެން ހުރުމާއެކު، އެފަދަ ލޯނެއް ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުއްދަ ދިނުމުން، މި މާއްދާގެ (ށ) ގައިވާ މަސްލަހަތު ހިމެނިގެންވާ ދައުލަތުގެ ބޭނުންތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި "ދައުލަތުގެ ބޭނުންތައް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މަސްލަހަތުތައް ހިމެނިގެންވާ ބޭނުންތަކަށެވެ.

  1. މުޅި މުޖުތަމައަށް ނުވަތަ މުޖުތަމައުގެ ބޮޑުބަޔަކަށް އެކަމުން ލިބޭނެ މަންފާއެއް އޮތުން؛
  2. އެ ކަމަކީ، ސަރުކާރަކަށްވީތީ އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ސީދާ ގުޅުންހުރި ކަމަކަށްވުން؛
  3. އެ ކަމެއް ކުރުމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ، ވަކި ފަރުދެއްގެ މަސްލަހަތު ހިމާޔަތްކޮށްދިނުން ކަމުގައި ބެލެވޭ ކަމެއް ކަމުގައި ނުވުން؛
  4. އެ ކަމަކީ، އާންމު ސިއްހަތާއި، އާންމު ރައްކައުތެރިކަމާއި، އާންމު މަސްލަހަތާއި، އަމަންއަމާންކަމާއި، ގައުމުގެ ކުރިއެރުމާއި، ގައުމުގެ ފުދުންތެރިކަމުގެ ތެރެއިން ކަމެއް ހާސިލުވުމަށް މަގުފަހިކުރާ ކަމަކަށް ވުން.

(ނ) ދައުލަތުން ލޯނު ދޫކުރަންވާނީ، ލޯނު ދޫކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކޮށް، މި ގަވާއިދުގެ ދަށުން އެކުލަވައިލާ، ދައުލަތުން ލޯނު ދޫކުރުމާއި އޮންލެންޑް ކުރުމުގައި އަމަލު ކުރާނެގޮތުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މި އުސޫލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ. އަދި މި އުސޫލުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ލޯނު ދޫކުރެވޭނެ ބޭނުން؛
  2. ލޯނު ދޫކުރެވޭނެ ފަރާތްތައް؛
  3. ލޯނު ދޫކުރުމަށް އެދި ހުށަހަޅާނެ ގޮތް؛
  4. ލޯނު އަނބުރާ ހޯދޭނެ ގޮތް؛
  5. ލޯނުގެ އިންޓްރެސްޓްޓާއި އެޑްމިނިސްޓްރޭޓިވް ފީ؛
  6. ލޯނުގެ މައުލޫމާތާއި ހިސާބު ބަލަހައްޓާނެ ގޮތް؛
  7. ދައުލަތުން ދޫކޮށްފައިވާ ލޯނެއް މާފުކޮށްދެވޭނެ ހާލަތްތައް؛ 
  8. އޮންލެންޑް ކުރެވޭނެ ފަރާތްތައް؛
  9. އޮންލެންޑް ކުރެވޭނެ މަށްރޫއުތައް؛
  10. އޮންލެންޑް ކޮށްދިނުމަށް އެދި ހުށަހަޅަންޖެހޭ ގޮތާއި ލިޔެކިޔުން؛
  11. އޮންލެންޑް ކޮށްދެވޭނެ ހާލަތްތައް؛
  12. މަށްރޫއުގެ ފީޒިބިލިޓި ސްޓަޑީ؛
  13. ގްރޭސް ޕީރިއަޑާއި ރީޕޭމަންޓް ޕީރިއަޑް ހިމެނޭގޮތުން ލޯނުގެ މުއްދަތު؛
  14. ލޯނަށް އެދި ހުށަހަޅާ ފަރާތުން ދައްކަންޖެހޭ ފީތަކުގެ ތަފުސީލު؛
  15. އޮންލެންޑް ކުރުމުގެ އެއްބަސްވުން އޮންނަންވީ ގޮތް؛
  16. އޮންލެންޑް ކޮށްފައިވާ ލޯނުތައް މޮނިޓަރކުރާނެ ގޮތް.

(ރ) މި މާއްދާގެ (ނ) ގައިވާ ބޭނުންތަކަށް އެއްވެސް ފަރާތަކުން ދައުލަތުން ލޯނަކަށް އެދޭނަމަ، އެކަމަށް އެދި ހުށަހަޅަންވާނީ، ލިޔުމަކުން މިނިސްޓަރަށެވެ. މިގޮތުން ލޯނު ހޯދުމަށް އެދި ހުށަހަޅާ ހެށަހެޅުމުގައި، އެންމެ މަދުވެގެން ވެސް، ތިރީގައި މިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ލޯނު ނަގާ ފަރާތުގެ ފުރިހަމަ މައުލޫމާތު؛
  2. ލޯނު ނެގުމަށް ބޭނުންވާ ސަބަބު؛
  3. ލޯނުގެ ގޮތުގައި ބޭނުންވާ ފައިސާގެ އަދަދު؛
  4. ލޯނު އަނބުރާ ދައްކަން ހުށަހަޅާ މުއްދަތު؛
  5. ލޯނު އަނބުރާ ދައްކާނެ ގޮތުގެ ތާވަލު (ރިޕޭމަންޓް ށެޑިއުލް)؛
  6. ލޯނު ފައިސާއިން ކުރާ ބޭނުމުގެ ސަބަބުން މުޖުތަމައަށް ކުރާނެ ފައިދާ؛
  7. ލޯނު ނެގުމުގައި ހިނގާ ހަރަދުތަކުގެ ތަފުސީލު؛
  8. ލޯނަށް އެދޭ ފަރާތުން ހުށަހަޅާ ސެކިއުރިޓީގެ ތަފުސީލު؛
  9. ލޯނަށް އެދޭ ފަރާތަށް އެހެން ފަރާތެއްގެ ގެރެންޓީއެއް ދޭނަމަ، އެ ފަރާތުން ދޭ ގެރެންޓީގެ މައުލޫމާތު؛
  10. ލޯނު ނެގުމަށް އެ އޮފީހަކުން ނިންމި ބައްދަލުވުމުގެ ޔައުމިއްޔާ؛
  11. މީގެ އިތުރުންވެސް މިނިސްޓްރީއަށް ބޭނުންވާ އިތުރު މައުލޫމާތު.

(ބ) ދައުލަތުން ދޫކުރާ ލޯނުތަކުގެ ތަފުސީލު، "ލޯން އިންވެސްޓްމަންޓް ރަޖިސްޓަރީ" އެއް، މިނިސްޓްރީން ބަލަހައްޓަންވާނެއެވެ. މި ރަޖިސްޓަރީގައި، ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ލޯނުގެ ރިފަރެންސް ނަންބަރު؛
  2. ލޯނު ނަގާ ފަރާތުގެ ނަމާއި އެޑްރެސް؛
  3. ލޯނަށް ދޫކުރި ފައިސާގެ އަދަދާއި، ފައިސާގެ ބާވަތާއި، ލޯނު ނެގުމުގައި ހިނގާ އެހެނިހެން ހަރަދުތައް؛
  4. ލޯނު ދޫކުރި ތާރީހު؛
  5. ލޯނުގެ ބާވަތް ނުވަތަ ބޭނުން؛
  6. ލޯނުގެ ސެކިއުރިޓީގެ ތަފުސީލު؛
  7. ލޯނު ނެގި ފަރާތުން ލޯނު އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި ގެރެންޓީ ދީފައިވާ ފަރާތް؛ 
  8. ލޯނުގެ އިންޓަރެސްޓް ރޭޓާއި، އިންޓަރެސްޓް މުއްދަތު ހަމަވާ ތާރީހުތައް؛
  9. ލޯނުގެ ގްރޭސް ޕީރިއަޑާއި، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު؛
  10. ލޯނު އަނބުރާ ދައްކާނެ ގޮތުގެ ތާވަލު (ރިޕޭމަންޓް ށެޑިއުލް)؛
  11. ލޯނުގެ މުއްދަތު ހަމަވާ ތާރީހު؛
  12. ލޯނު ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުއްދަދިން ރިފަރެންސް ނަންބަރު؛ 
  13. ލޯނާބެހޭ ލިޔުންތައް ބެހެއްޓިފައިވާ ތަން.

(ޅ) ލޯނުތަކުގެ އިދާރީ ކަންކަން ދައުލަތުގެ އޮފީސްތަކުން ބަލަހައްޓާގޮތަށް ދޫކުރާ ދައުލަތުގެ ލޯނުތަކާއި، ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ދޫކުރާ ދައުލަތުގެ ލޯނުތަކުގެ ވޭތުވެދިޔަ މަހުގެ މައުލޫމާތުތައް، ހިނގާ މީލާދީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން، މިނިސްޓްރީން ހޯދަންވާނެއެވެ. އަދި މިގޮތުން ހޯދާ މައުލޫމާތުތައް، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ލޯނު އިންވެސްޓްމަންޓް ރަޖިސްޓަރީގައި ބަލަހައްޓަންވާނެއެވެ.

(ކ) ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ދައުލަތުން ލޯނު ދޫކުރުމަށް ސޮއިކުރާ އެއްބަސްވުންތަކާއި، އެމް.އޯ.ޔޫ ("މެމޮރޭންޑަމް އޮފް އަންޑަސްޓޭންޑިންގް") ތައް ލިޔެފައި ހުންނަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިދާރީ އިންތިޒާމުތަކަށް މަގުފަހިވާނެ ގޮތެއްގެ މަތީންނެވެ.

 

14-08 ވަނަ މާއްދާ - އެއް ކައުންސިލުން އަނެއް ކައުންސިލަށް ލޯނު ދޫކުރުން

ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި، ވަކި ކައުންސިލަކަށް އެ އަހަރަކަށް ލިބޭ އާމްދަނީން ހަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާ، އެއްބަސްވާ ގޮތެއްގެ މަތީން އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރެވިދާނެއެވެ.

(ހ) މި މާއްދާގެ ދަށުން އެއް ކައުންސިލުން އަނެއް ކައުންސިލަށް ލޯނުގެ ގޮތުގައި ދޫކުރާ ފައިސާ، އެއްބަސްވެފައިވާ ގޮތުގެ މަތީން އަނބުރާ ނުދައްކާނަމަ، ލޯނު ނަގާ ކައުންސިލަށް ސަރުކާރުން ދޭ ފައިސާއިން އުނިކޮށް، އެ އުނިކުރި ފައިސާ ލޯނު ދޫކުރި ކައުންސިލަށް ދޫކުރުމުގެ ބާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ ދަށުން ކައުންސިލަކުން ދޭ ލޯނާ ގުޅޭ އެންމެހައި މައުލޫމާތާއި، ލޯނު އަނބުރާ ދައްކަމުންދާގޮތުގެ ތަފުސީލުތައް، ކޮންމެ 3 (ތިނެއް) މަސްދުވަހެއް ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ލޯނު ދޫކުރި ކައުންސިލުން މިނިސްޓްރީއާ ގަވާއިދުން ހިއްސާކުރަމުން ގެންދަންވާނެއެވެ. މި ރިޕޯޓުގައި، ލޯނުގެ ގޮތުގައި ދޫކުރި ޖުމުލަ އަދަދާއި، ލޯނުގެ އަދަދު އިތުރުވާ މިންވަރާއި، އިންޓަރެސްޓާއި، އަނބުރާ ދައްކައިފައިވާ އަދަދު ހިމަނަންވާނެއެވެ.

 

14-09 ވަނަ މާއްދާ - ހުއްދަ އޮތް ލޯނަކަށް މެނުވީ ދައުލަތުގެ ފައިސާ ދޫނުކުރުން

ރައީސުލްޖުމްހޫރިއްޔާ ހުއްދަކޮށްފައިވާ ލޯނަކަށް މެނުވީ، ނުވަތަ ރައީސުލްޖުމްހޫރިއްޔާ ލޯނު ދޫކުރުމަށް ހުއްދަކޮށްފައިވާ ވަކި ގިންތިތަކެއްގެ ތެރެއިން މިނިސްޓަރު ހުއްދަކޮށްފައިވާ ލޯނަކަށް މެނުވީ، ދައުލަތުގެ ފައިސާ އެއްވެސް ފަރާތަކަށް ލޯނުގެ ގޮތުގައި ދޫކޮށްގެން ނުވާނެއެވެ.

 

14-10 ވަނަ މާއްދާ - ދައުލަތުން ނަގާ ލޯނާއި، ދޫކުރާ ލޯނުގެ ހިސާބު ބެލެހެއްޓުމާއި، ރިޕޯޓުކުރުން

(ހ) ދައުލަތުން ނަގާ ލޯނުގެ ހިސާބު ބަލަހައްޓައި، ކޮންމެ 3 (ތިނެއް) މަސްދުވަހެއް ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ދައުލަތުން ނަގާ ލޯނުގެ ރިޕޯޓެއް، މިނިސްޓަރު ކަނޑައަޅާ ފަރާތަކުން ތައްޔާރުކޮށްފައި މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. މި ރިޕޯޓުގައި، ލޯނުގެ ޖުމުލަ އަދަދާއި، ލޯނުގެ އަދަދު އިތުރުވާ މިންވަރާއި، އިންޓަރެސްޓާއި، އަނބުރާ ދެއްކުމަށް ހޭދަކުރިވަރު ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު، މާލީ އަހަރުގެ ކޮންމެ 3 (ތިނެއް) މަސްދުވަހެއް ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މިނިސްޓަރު، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

14-11 ވަނަ މާއްދާ - ދަރަނީގެ ހިސާބުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން

(ހ) ދައުލަތުން ނަގާ ދަރަނީގެ ހިސާބުތައް ބެލެހެއްޓުމުގައި، ތިރީގައިމިވާ ބާވަތުގެ ކަމެއް ހިނގައިފިނަމަ، ދަރަނީގެ ރަޖިސްޓަރީއާއި ހިސާބުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ދަރަންޏާ ގުޅޭ އެހެނިހެން މައުލޫމާތު ފައިލުތައް އަޕްޑޭޓްކޮށް ބަލަހައްޓަންވާނެއެވެ.

  1. ކުރިން ނަގައިފައިވާ ދަރަނީގެ އަދަދު އިތުރުވުން؛
  2. ދަރަނި ދައްކަންޖެހޭ މުއްދަތާއި ތާވަލު ބަދަލުވުން؛
  3. މުޅި ދަރަނި ނުވަތަ ދަރަނީގެ ބައެއް ކެންސަލްވުން؛
  4. ދަރަނީގެ އެއްބަސްވުމާ ހިލާފުވުން؛
  5. ދަރަނީގައި ބައިވެރިވާ ފަރާތަކަށް ބަދަލެއް އައުން؛
  6. ދަރަނީގެ ސެކިއުރިޓީއަށް ނުވަތަ ގެރެންޓީއަށް ބަދަލެއްއައުން.

(ށ) މާލީ އަހަރުގެ ތެރޭގައި ބާކީހުރި ދަރަނީގެ އަދަދަށް، އަހަރުގެ ތެރޭގައި ބޭރުފައިސާގެ އަގަށް އަންނަ ބަދަލުން ކުރާ އަސަރު، އެ އަހަރެއްގެ މާލީ ހިސާބުތަކުގައި ބަޔާންކުރަންވާނެއެވެ.

 

14-12 ވަނަ މާއްދާ - ކޮންޓިންޖެންޓް ލަޔަބިލިޓީ

(ހ) ދައުލަތުން ގެރެންޓީ ނުވަތަ އިންޑެމްނިޓީ ހޯދުމަށް އެދި ހުށަހަޅަންވާނީ، މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށެވެ.

(ށ) ކޮންޓިންޖެންޓް ލަޔަބިލިޓީތައް ހިންގައި ބަލަހައްޓާނެ ގޮތުގެ އުސޫލުތަކެއް ކަނޑައެޅުމުގައި، ގެރެންޓީއާއި އިންޑެމްނިޓީއާއި އަންޑަރޓޭކިންގްސް ފަދަ ލިޔުންތައް ދިރާސާކުރާނެ ގޮތާއި، އިވެލުއޭޓްކުރާނެ ގޮތާއި، ހުއްދަދިނުމާއި ބަލަހައްޓާނެ ގޮތާއި، މިކަމާބެހޭ ލިޔެކިޔުން ރައްކައުތެރިކަމާއެކު ބަލަހައްޓާނެ ގޮތް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ނ) ދައުލަތުގެ ފަރާތުން ދޭ ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގގެ ހިސާބުތައް ބެލެހެއްޓުމަށް ޓަކައި، ތިރީގައިވާ ބައިތަކުގެ ރަޖިސްޓަރީ ތައްޔާރުކޮށްފައި، މިނިސްޓްރީން އެ ރަޖިސްޓަރީ ބަލަހައްޓަންވާނެއެވެ.

  1. ސަރުކާރުން ދީފައިވާ ގެރެންޓީތަކާއި އިންޑެމްނިޓީތަކާއި އަންޑަރޓޭކިންގތަކުގެ ތަފުސީލު؛
  2. ސަރުކާރުގެ އެހެނިހެން ކޮންޓިންޖެންޓް ލަޔަބިލިޓީތަކުގެ ތަފުސީލު؛
  3. ސަރުކާރުގެ ކޮންޓިންޖެންޓް ލަޔަބިލިޓީތަކުގެ ޖުމުލަ.

(ރ) މި މާއްދާގެ (ނ) ގައި ހިމެނޭ ބައިތަކުންކުރެ ކޮންމެ ބައެއްގެ ރަޖިސްޓަރީ، ތިރީގައިމިވާ މައުލޫމާތު ހިމެނޭގޮތަށް ބަލަހައްޓަންވާނެއެވެ.

  1. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގ ދިނުމަށް ނިންމުނު ގާނޫނީ ހައިސިއްޔަތު (މިގޮތުން ހުއްދަދެވޭ ގާނޫނު)؛
  2. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގ ދިނުމުގެ ސަބަބުން ފައިދާކުރާ ފަރާތް ނުވަތަ އޮފީހުގެ ނަން؛
  3. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގ ދެވުނު ލޯނު އެއްބަސްވުމުގެ މާއްދާތަކާއި ށަރުތުތައް (މީގެ ތެރޭގައި ދަރަނި އަނބުރާ ދެއްކުމަށް އެއްބަސްވެފައިވާ ގޮތް ހިމަނަންވާނެއެވެ.)؛
  4. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގ ދިން ތާރީހު؛
  5. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގ ދައްކަންޖެހިދާނެ ހާލަތްތައް؛
  6. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގގެ މުއްދަތު ހަމަވާ ތާރީހު؛
  7. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގގެ ބަދަލުގައި ދިނުމަށް އެއްބަސްވި ސެކިއުރިޓީ (ސެކިއުރިޓީއެއް ހުށަހަޅައިފައިވާނަމަ)؛
  8. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގގެ މުއްދަތުގައި އަމަލުކުރެވުނު ގޮތް؛
  9. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގގެ ދަށުން ސަރުކާރުން ފައިސާ ދައްކަން ޖެހުނުނަމަ، ދެއްކި ފައިސާގެ އަދަދު.

(ބ) ދިވެހި ދައުލަތުން ގެރެންޓީއެއް ނުވަތަ އިންޑެމްނިޓީއެއް ނުވަތަ އަންޑަރޓޭކިންގއެއް ދީފައިވާ ލޯނަކަށް ފައިސާ ނުދެއްކިގެން، ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގއަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކަންވާނީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންނެވެ.

(ޅ) ގެރެންޓީއެއް ނުވަތަ އިންޑެމްނިޓީއެއް ނުވަތަ އަންޑަރޓޭކިންގއެއްގެ ސަބަބުން އަދާކުރަންޖެހިދާނެ ސަރުކާރުގެ ލަޔަބިލިޓީއަކަށް، ބަޖެޓުގައި ފައިސާ ހިމަނަންވާނެއެވެ.

 

14-13 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުން ދަރަންޏަށް ފައިސާ ނެގުމަށާއި، މާލީސެކިއުރިޓީ ވިއްކުމުގައި އަމަލުކުރަންޖެހޭ ގޮތް

ދައުލަތުގެ އޮފީސްތަކަށް ވަކި ގާނޫނެއްގެ ދަށުން ބާރު ލިބިގެން، ދަރަންޏަށް ފައިސާ ނެގުމާއި، މާލީ ސެކިއުރިޓީ ވިއްކުމުގައި އަމަލުކުރަންވާނީ، ތިރީގައި މިވާ ގޮތުގެ މަތީންނެވެ.

(ހ) ތަރައްގީގެ ހަރަކާތްތައް ހިންގުމަށް ނުވަތަ އެ ނޫން ބޭނުމަކަށް ބޭނުންވާ ފައިސާ ހޯދުމުގެގޮތުން ދަރަންޏަށް ފައިސާ ނަގަންވާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ ލައިސަންސެއްގެ ދަށުން ރާއްޖޭގައި ވިޔަފާރި ހިންގާ މާލީ އިދާރާއަކުންނެވެ.

(ށ) ތަރައްގީގެ ހަރަކާތްތައް ހިންގުމަށް ނުވަތަ އެ ނޫން ބޭނުމަކަށް ބޭނުންވާ ފައިސާ ހޯދުމަށް މާލީ ސެކިއުރިޓީ ވިއްކަންވާނީ، ރާއްޖޭގައި ވިޔަފާރި ހިންގާ މާލީ އިދާރާއެއް މެދުވެރިކޮށްގެންނެވެ.

(ނ) ދަރަނި ދޫކުރާ ފަރާތަކަށް، އެ ދަރަންޏެއްގެ ސެކިއުރިޓީގެ ގޮތުގައި ދައުލަތުން ގެރެންޓީއެއް ދޭންވާނީ، ނުވަތަ ދައުލަތުގެ މުދަލެއް ނުވަތަ ދައުލަތުގެ މިލްކިއްޔާތެއް ރަހުނުކުރަންވާނީ، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ނަގާ ދަރަންޏަކަށް ނުވަތަ ސެކިއުރިޓީއަކަށެވެ.

 

14-14 ވަނަ މާއްދާސެކިއުރިޓީސް ޑޮކިއުމަންޓްތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން

(ހ) ސެކިއުރިޓީސް ޑޮކިއުމަންޓްތައް ރައްކައުތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމެއް އެ ތަނަކުން ހަމަޖައްސަންވާނެއެވެ. އަދި ސެކިއުރިޓީސް ޑޮކިއުމަންޓްތަކުގެ ރަޖިސްޓަރީއެއް ބަލަހައްޓަންވާނެއެވެ. މި ލިޔުންތައް ބަހައްޓަންވާނީ، ތިޖޫރީއެއްގައި ނުވަތަ ތަޅުލެވޭ އެއްޗެއްގައި، ޒިންމާދާރު މުވައްޒަފެއްގެ ބެލުމުގެދަށުގައެވެ. އަދި އެކައުންޓަންޓް ޖެނެރަލް ހުއްދަކުރާ ގޮތެއްގެ މަތީން، އިލްކްޓްރޯނިކް ޒަރީއާއިން ބެލެހެއްޓުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ށ) ސެކިއުރިޓީސް ޑޮކިއުމަންޓުގެ ގޮތުގައި މައިގަނޑުގޮތެއްގައި ބަލާ ތަކެތި، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ސެކިއުރިޓީސް؛
  2. އެއްބަސްވުން ކުރިޔަށް ގެންދިޔުމަށް ޓަކައި ލިބިފައިވާ ގެރެންޓީ؛
  3. ނެގޯށިއަބަލް އިންސްޓްރުމަންޓްސް؛
  4. އެހެން ގާނޫނެއްގައި ސެކިއުރިޓީސް ޑޮކިއުމަންޓުގެ ގޮތުގައި މާނަކުރެވިފައިވާ އެއްވެސް ލިޔުމެއް؛
  5. ސެކިއުރިޓީސް ޑޮކިއުމަންޓެއްކަމަށް އެކައުންޓަންޓް ޖެނެރަލް ނިންމާ ލިޔުމެއް.

(ނ) ސެކިއުރިޓީސް ޑޮކިއުމަންޓުގެ ކަންތައްތައް ތިރީގައިމިވާ ގޮތުގެ މަތީން ފުރިހަމަކުރުމާއެކު، އެކަށީގެންވާ ކޮންޓްރޯލެއް ގާއިމުކޮށްގެން ބަލަހައްޓަންވާނެއެވެ.

  1. ސެކިއުރިޓީސް ޑޮކިއުމަންޓްތަކުގެ ރަޖިސްޓަރީގައި އެކަށީގެންވާ ތަފުސީލު ރިކޯޑުކުރުން؛.
  2. ސެކިއުރިޓީސް ޑޮކިއުމަންޓްތައް ރައްކައުތެރި ތަނެއްގައި، ރައްކައުތެރިކަމާއެކު ބެހެއްޓުން؛
  3. ކޮންމެ އަހަރަކު މަދުވެގެން އެއްފަހަރު ސެކިއުރިޓީސް ޑޮކިއުމަންޓްސް ރަޖިސްޓަރީ ރިކޮންސައިލްކުރުން.

 

14-15 ވަނަ މާއްދާ - ދަރަންޏާއި ގެރެންޓީގެ މައުލޫމާތު މަޖިލީހަށް ފޮނުވުން

ދަރަންޏެއް ނަގާ ތާރީހުން ފެށިގެން ނުވަތަ ގެރެންޓީއެއް ދޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ދަރަންޏަކާ ގުޅޭ މައުލޫމާތު، ނުވަތަ އެ ގެރެންޓީއަކާ ގުޅޭ މައުލޫމާތު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް، މިނިސްޓްރީން ފޮނުވަންވާނެއެވެ.

 

 

ބާބު 15

އަހަރީ މާލީ ހިސާބުތަކާއި، އަހަރީ ރިޕޯޓާއި، އެކައުންޓިންގ ސްޓޭންޑަރޑްސް

 

15-01 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުގެ އަހަރީ ރިޕޯޓު

(ހ) ދައުލަތުގެ އޮފީސްތަކުގެ މާލީ ޒިންމާދާރު ވެރިޔާ، ކޮންމެ މާލީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ތިރީގައިމިވާ މައުލޫމާތު ހިމަނައިގެން އަހަރީ ރިޕޯޓު ތައްޔާރުކޮށްފައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައިވާ ގޮތުގެ މަތީން މާލީ އަހަރުގެ ހިސާބު ނިންމުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާއި، އެ ކަންތައްތައް ނިންމަންޖެހޭ ތާރީހުތައް MG/BC19 ފޯމުގައި ބަޔާންކޮށްފައި ވާނެއެވެ. އަހަރީ ރިޕޯޓް ތައްޔާރުކުރަންޖެހޭ ގޮތުގެ ނަމޫނާ ފޯމުތައް، ކޮންމެ މާލީ އަހަރެއް ނިމުމުގެ ކުރިން މިނިސްޓްރީން "މާލީ ހިސާބު ނިންމުމާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކާ ގުޅޭ" ސަރކިއުލަރގައި ށާއިއު ކުރާނެއެވެ.

  1. ނިމުނު މާލީ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި އެ އޮފީހަކުން ލަފާކުރި އާމްދަނީއާއި ހަރަދުގެ ހިސާބު؛
  2. ނިމުނު މާލީ އަހަރުގެ ތެރޭގައި އެ އޮފީހަކަށް ލިބުނު އާމްދަނީއާއި ހިނގި ހަރަދުގެ ހިސާބު؛
  3. ނިމުނު މާލީ އަހަރުގެ ތެރޭގައި އެ އޮފީހަކުން ހިންގި ކަންތައްތަކުގެ ރިޕޯޓު.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މާލީ އަހަރުގެ ތެރޭގައި އެ އޮފީހަކުން ހިންގި ކަންތައްތަކުގެ ރިޕޯޓު، މި ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތީން ތައްޔާރު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ރިޕޯޓު ތައްޔާރުކުރުމުގައި، އެ އޮފީހަކަށް ބޭނުންވާ މައުލޫމާތުގެ ތެރެއިން މިނިސްޓްރީގައި ހުރި މައުލޫމާތު، މާލީ އަހަރު ނިމޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެ އޮފީހަކަށް ފޮނުވަންވާނެއެވެ.

(ރ) އަހަރީ ރިޕޯޓު ތައްޔާރުކުރުމުގައި، އެ އޮފީހެއްގެ މާލީ ހިސާބުތަކާއި ތިރީގައިމިވާ ބައިތައް ހިމަނަންވާނެއެވެ.

  1. ދައުލަތުގެ އޮފީހުގެ ގާނޫނީ އޮނިގަނޑާއި، އެ އޮފީހަކާ ގުޅޭ ގާނޫނުތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުންތަކާއި، އެފަދަ އެހެނިހެން ލިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުން، އެ އޮފީހެއްގެ ސިޔާސަތުގެ ލަނޑުދަނޑިތަކާއި މަގުސަދު ހާސިލުވެވުނީ ކިހާވަރަކަށްކަން، އަދި އެ އޮފީހަކުން އެ އަމާޒަށް ވާސިލުވުމަށް ޓަކައި ހަރަދުކޮށްފައިވަނީ ބޭނުންތެރި ގޮތެއްގައި ކަމާއި، ހަރުދަނާ ގޮތެއްގައިކަން؛
  2. ދައުލަތުގެ އޮފީހުގެ މައިގަނޑު ސިޔާސަތުތަކާއި، ހާސިލުކުރަން ބޭނުންވާ އަމާޒުތަކުގެ ލަނޑުދަނޑިތަކާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރޭވިފައިވާ ކަންތައްތަކުގެ ތެރެއިން ކުރެވުނު ކަންތައްތަކާއި ނުކުރެވިހުރި ކަންތައްތަކުގެ ތަފުސީލު؛
  3. އިދާރީ އޮނިގަނޑު (އޯގަނައިޒޭށަން ޗާޓާއި، ފަންކްށަނަލް ޗާޓާއި، ޑިޕާޓްމަންޓްތަކާއި، ޑިވިޒަންތަކާއި، ސެކްށަންތަކާއި، ޔުނިޓްތަކުގެ މަސްއޫލިއްޔަތުތައް ހިމެނޭގޮތަށް)؛
  4. ށާއިއުކޮށްފައިވާ ލިޔުންތައް (އާންމުންނަށް ފޯރުކޮށްދީފައިވާ ކަމާބެހޭ ކޮންމެ ލިޔުމަކާ ގުޅޭ ތަފުސީލު)؛
  5. އަގު ހެދުމުގެ ސިޔާސަތުތައް (ބޭނުންވެއްޖެ ހިނދެއްގައި، ފޯރުކޮށްދޭ ހިދުމަތްތަކަށް އަގުނަގާގޮތުގެ ސިޔާސަތުތައް)؛
  6. ކެޕިޓަލް މަށްރޫއުތަކުގެ ތަފުސީލު (އެ އަހަރެއްގެ ބަޖެޓުގައި ހިމެނިގެންނާއި ބަޖެޓުގައި ނުހިމެނި ހިންގުނު މަށްރޫއުތަކުގެ ތަފުސީލު)؛
  7. ދައުލަތުގެ އޮފީހެއްގެ މަސައްކަތްތަކާ ގުޅޭގޮތުން ހިމަނަންޖެހޭކަމަށް އެ އޮފީހަކަށް ފެންނަ އިތުރު މައުލޫމާތެއް ވާނަމަ، އެ މައުލޫމާތު.

 

15-02 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކާއި އެ ތަންތަނުގެ ދަށުން ހިނގަމުންދާ އިދާރާތަކުގެ އަހަރީ ހިސާބު ތައްޔާރުކުރުން

(ހ) ދައުލަތުގެ އޮފީސްތަކުން އަހަރު ނިމުމުން، އެ އޮފީހެއްގެ އަހަރީ މާލީ ބަޔާން ތައްޔާރުކޮށް، ހިނގާ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އެ ބަޔާނުގައި، ތިރީގައި މިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ލިބުނު ފައިސާގެ ހުލާސާ (އެކި ބައިތަކަށް ލިބުނު ފައިސާގެ އަދަދުގެ ޖުމުލަ ވަކިވަކިން އެނގޭގޮތަށް)؛
  2. ހަރަދުކުރި ނުވަތަ ދޫކުރި ފައިސާގެ ހުލާސާ (އެކި ބައިތަކަށް ހަރަދުކުރި ފައިސާގެ ޖުމުލަ އަދަދު ވަކިވަކިން އެނގޭނެގޮތަށް)؛
  3. އަހަރުތެރޭގައި ލިބުނު އެއްޗަކަށްވުރެ އިތުރަށް އެ އަހަރު ހަރަދުކުރި އަދަދު، ނުވަތަ އަހަރުތެރޭގައި ހަރަދުކުރި އަދަދަށްވުރެ އަހަރުތެރޭގައި ލިބުނު އެއްޗެއް އިތުރުވާ އަދަދު؛
  4. އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން ދޭންޖެހޭ ފަރާތްތަކަށް ޑިސެންބަރުމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނުދެވިހުރި ފައިސާގެ ތަފުސީލު؛
  5. ދޭންޖެހޭ ފަރާތަށް ނުދެވި އެކައުންޓުގައި އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާ ފައިސާގެ ތަފުސީލު (ހަވާލުނުވެ ފާއިތުވެފައިވާ މުއްދަތު އަހަރުދުވަހަށް ބަހައި، އަހަރުތައް ވަކިވާގޮތަށް)؛
  6. ރައުސުލްމާލެއްގެ ގޮތުގައި ނުވަތަ އެކުވެފައިވާ ފަންޑު (އެކިއުމިލޭޓެޑް ފަންޑް) ގެ ގޮތުގައި އަހަރުގެ ނިޔަލަށް އޮތް އަދަދު؛
  7. ދަރަނީގެ ގޮތުގައި ފައިސާއެއް ހޯދައިފައިވާނަމަ، ނުވަތަ އެއްވެސް ފަރާތަކަށް އެއްޗެއް ދޭން އޮތްނަމަ، އޭގެ ތަފުސީލު؛ 
  8. އެކައުންޓަށް ލިބުނު ފައިސާއިން ދައުލަތުގެ މުދަލުގެ ގޮތުގައި ހޯދައިފައިވާ ތަކެތީގެ ލިސްޓު (އަގުތަކާއެކު)؛
  9. ލިބެންޖެހޭ އާމްދަނީއާއި، އެ ނޫން ގޮތްގޮތުން ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިހުރި ފައިސާގެ ތަފުސީލު.

(ށ) ދައުލަތުގެ މަސްއޫލު އޮފީސްތަކުގެ ދަށުން ހިނގަމުންދާ އޮފީސްތަކުން މި މާއްދާގެ (ހ) ގައިވާ ރިޕޯޓު، ހިނގާ އަހަރުގެ ފެބުރުވަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން، އެ އޮފީހެއްގެ މަސްއޫލު އޮފީހަށް ފޮނުވައި ނިންމަންވާނެއެވެ.

(ނ) އޮފީސްތަކުން ބަލަހައްޓާ ޓްރަސްޓް ފަންޑު ފަދަ އެކިއެކި ފަންޑުތަކުގެ ނިމުނު މާލީ އަހަރުގެ އަހަރީ ހިސާބުތައް (ލިބުނު ފައިސާއާއި، ހަރަދުގެ ހިސާބާއި، ބެލެންސްށީޓް) މި މާއްދާގެ (ހ) ގައިވާ މައުލޫމާތު ހިމެނޭގޮތަށް، ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ތައްޔާރުކޮށްފައި، ހިނގާ އަހަރުގެ ފެބުރުވަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، ދައުލަތުގެ މަސްއޫލު އޮފީސްތަކަށް ފޮނުވަންވާނެއެވެ. މިފަދަ ހިސާބެއް ތައްޔާރުކުރެވިދާނެ ގޮތުގެ ނަމޫނާ،MG/BC22, MG/BC21 އަދި MG/BC23މި މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައި ވާނެއެވެ.

 

15-03 ވަނަ މާއްދާ - ދައުލަތުގެ މާލީހިސާބުތައް ތައްޔާރުކުރާނެ އެކައުންޓިންގ ސްޓޭންޑަރޑްސް

ދައުލަތުގެ މާލީ ބަޔާން ތައްޔާރުކުރަންވާނީ، "އިންޓަނޭށަނަލް ފެޑެރޭށަން އޮފް އެކައުންޓެންޓްސް" އިން ނެރެ ށާއިއުކުރާ "އިންޓަނޭށަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަރޑް: ފައިނޭންށަލް ރިޕޯޓިންގ އަންޑަރ ދަ އެކްރޫއަލް ބޭސިސް އޮފް އެކައުންޓިންގ" އަށް ބަދަލުކުރެވެންދެން "އިންޓަނޭށަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަރޑް: ފައިނޭންށަލް ރިޕޯޓިންގ އަންޑަރ ދަ ކޭށް ބޭސިސް އޮފް އެކައުންޓިންގ" އާ އެއްގޮތަށެވެ.

 

15-04 ވަނަ މާއްދާ - ދައުލަތުގެ އަހަރީ ހިސާބުތައް ނިންމުމާއި ހުށަހެޅުން

(ހ) މި ގަވާއިދުގެ 15.02 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ދައުލަތުގެ އޮފީސްތަކުން ލިބޭ އަހަރީ ހިސާބުތައް ކޮންސޮލިޑޭޓްކޮށް، އެ އަހަރެއްގެ ދައުލަތުގެ އަހަރީ ހިސާބު، މި ގަވާއިދުގެ 15.03 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެކައުންޓަންޓް ޖެނެރަލް ތައްޔާރުކޮށްފައި، މާލީ ކޮންމެ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

(ށ) ދައުލަތުގެ އަހަރީ ހިސާބުތައް، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މިނިސްޓަރަށް ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، މިނިސްޓަރު، އެ ހިސާބުތައް އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، ދައުލަތުގެ އަހަރީ ހިސާބުތައް، މާލީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހާއި 14 (ސާދަ) ދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލަށް މިނިސްޓަރުގެ ފަރާތުން ނުލިބިއްޖެނަމަ، އެކަން 14 (ސާދަ) ދުވަހުގެ ތެރޭގައި ލިޔުމަކުން އޮޑިޓަރ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާއަށް އަންގަންވާނެއެވެ.

(ރ) ދައުލަތުގެ އަހަރީ ހިސާބުތައް، މިނިސްޓަރުގެ ފަރާތުން އޮޑިޓަރ ޖެނެރަލަށް ލިބޭތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، އެ ހިސާބުތައް އޮޑިޓްކުރުމަށްފަހު، އޮޑިޓަރ ޖެނެރަލްގެ ރިޕޯޓު، މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

 

15-05 ވަނަ މާއްދާ -

އަހަރީ ރިޕޯޓާއި، އަހަރީ މާލީ ހިސާބު، އޮޑިޓް ރިޕޯޓާއެކު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން

(ހ) މި ގަވާއިދުގެ 15.01 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓު، އަހަރީ މާލީ ހިސާބާއެކު އޮޑިޓްކުރުމަށްފަހު، އޮފީސްތަކުގެ މާލީ ޒިންމާދާރު ވެރިޔާއަށް ލިބޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، އޮޑިޓް ރިޕޯޓުގެ ކޮޕީއާއި އަހަރީ ރިޕޯޓުގެ ކޮޕީއެއް، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވާނީ، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާއެވެ.

(ށ) މި ގަވާއިދުގެ 15.04 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓު މިނިސްޓަރަށް ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ އޮޑިޓް ރިޕޯޓާއި، މި ގަވާއިދުގެ 15.04 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ތައްޔާރުކުރާ ދައުލަތުގެ އަހަރީ މާލީ ހިސާބު، މިނިސްޓަރު ރައީސުލްޖޫމްހޫރިއްޔާއަށް ހުށަހަޅަންވާނެއެވެ. އެ ރިޕޯޓާއި ހިސާބުތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ ތާރީހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ ރިޕޯޓާއި ހިސާބުތައް، މިނިސްޓަރު، ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

 

15-06 ވަނަ މާއްދާ - ދައުލަތުގެ މާލީ ހިސާބުތައް ނިންމުމަށް ބޭނުންވާ މައުލޫމާތު ފޮނުވުން

ދައުލަތުގެ މާލީ ހިސާބުތައް ނިންމުމަށް ޓަކައި ދައުލަތުގެ އޮފީސްތަކުން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ހިސާބުތަކާއި ލިޔުންތައް، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން ފޮނުވަންވާނެއެވެ.

 

15-07 ވަނަ މާއްދާ - ދައުލަތުގެ އޮފީހެއް އުވައިލުމުން، ފައިނަލް ރިޕޯޓު ތައްޔާރުކޮށްފައި ހުށަހެޅުން

(ހ) ދައުލަތުގެ އޮފީހެއް އުވައިލައިފިނަމަ، އެ އޮފީސް އުވައިލެވުނު ދުވަހާ ހަމަޔަށް އެ އަހަރަކު ހިނގައިފައިވާ މުއްދަތަށް، މި ގަވާއިދުގައިވާ ގޮތުގެ މަތީން ތައްޔާރުކޮށްފައިވާ ރިޕޯޓެއް، އެ އޮފީހެއް އުވައިލެވުނުއިރު އެ އޮފީހުގައި ހުރި މާލީ ޒިންމާދާރު ވެރިޔާ ތައްޔާރުކޮށް، އެ އޮފީހެއް އުވައިލާތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

(ށ) ދައުލަތުގެ އޮފީހެއް އުވައިލުމާ ގުޅިގެން އެ ތަނުގައި ހުރި މާލީ ޒިންމާދާރު ވެރިޔާ ބަދަލުވެފައިވާނަމަ، އެ ހިސާބު ތައްޔާރުކުރާނެ ފަރާތެއް މިނިސްޓަރު އައްޔަނު ކުރަންވާނެއެވެ.

(ނ) ދައުލަތުގެ އޮފީހަކުން އެންމެފަހުން ހުށަހެޅި އަހަރީ ރިޕޯޓުގެ ތާރީހުން ފެށިގެން އެ ތަނެއްގެ މަސައްކަތް ހުއްޓައިލުމާ ހަމަޔަށް ރިޕޯޓެއް ތައްޔާރުކޮށް، މާލީ ޒިންމާދާރު ވެރިޔާ ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

(ރ) އުވައިލާ މަސްއޫލު އޮފީހުގެ ފައިނަލް ރިޕޯޓު ތައްޔާރުކުރާނީ، މި ގަވާއިދުގެ 15.01 ވަނަ މާއްދާއާއި 15.02 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.

(ބ) މާލީ ޒިންމާދާރު ވެރިޔާ ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތަށް އެކަށީގެންވާ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދީ، ހުރިހާ އެކައުންޓެއްގެ މައުލޫމާތާއި، ލިޔުންތަކާއި، ރިޕޯޓު ތައްޔާރުކުރާ ފަރާތަށް މުހިންމުކަމަށް ފެންނަ އެހެނިހެން މައުލޫމާތުތަކާއި ރިކޯޑުތައް، ކޮންމެ ވަގުތެއްގައި ބެލޭނެގޮތް ހަމަޖެހިފައި އޮންނަންވާނެއެވެ.

 

15-08 ވަނަ މާއްދާ - މަސައްކަތް ބަދަލުވާ ތަންތަނާއި އުވައިލާ ތަންތަނުގެ ބަޖެޓާއި، މިލްކިއްޔާތާއި، މާލީ ޒިންމާތައް ބަދަލުކުރުން

(ހ) ދައުލަތުގެ އޮފީހެއްގެ ދަށުގައިވާ މަސައްކަތެއް ނުވަތަ ހިދުމަތެއް، ދައުލަތުގެ އެހެން އޮފީހަކަށް ބަދަލުކޮށްފިނަމަ، އެހައިތަނަށް ހަރަދުނުކުރެވިހުރި ބާކީ ފައިސާގެ ހިސާބުކޮށް ރީކޮންސައިލްކުރުމަށްފަހު، މިނިސްޓަރުގެ ހުއްދަޔާއެކު، އެ މަސައްކަތް ކުރުމުގެ ނުވަތަ ހިދުމަތް ދިނުމުގެ މަސްއޫލިއްޔަތާ އަލަށް ހަވާލުވި އޮފީހަކަށް އެ ހިސާބާއި ބާކީހުރި ފައިސާ ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ފައިސާ ބަދަލުކުރާއިރު، ކުރިން އެ މަސްއޫލިއްޔަތު ހަވާލުވެފައިވާ އޮފީހަކުން އަގު އަދާނުކުރެވިހުރި ކޮމިޓްމަންޓްތަކުގެ ތަފުސީލު މިނިސްޓަރަށް ފޮނުވަންވާނެއެވެ.

(ނ) އެ މަސައްކަތާ އަލަށް ހަވާލުވި އޮފީހުން އެ މަސައްކަތަށް ނުވަތަ ހިދުމަތަށް ހަރަދު ނުކުރެވިހުރި ބާކީ ފައިސާގެ އަންދާޒާ ހިސާބުތައް ބެލުމަށްފަހު، ބާކީހުރި ފައިސާގެ ހިސާބު ދިމާވާކަން ނުވަތަ ނޫންކަން، މިނިސްޓްރީއަށާއި ކުރިން އެ މަސައްކަތް ކުރަމުންދިޔަ ދައުލަތުގެ އޮފީހަށް އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ހުށަހެޅުންތައް ބެލުމަށްފަހު، މިނިސްޓްރީން ވަކި ގޮތެއް ނިންމައި، ނިންމި ގޮތެއް، އަލަށް އެ މަސައްކަތާ ހަވާލުވި އޮފީހަށާއި، ކުރިން އެ މަސައްކަތް ކުރަމުންދިޔަ އޮފީހަށް އަންގަންވާނެއެވެ.

 

ބާބު 16

ދައުލަތުގެ އިންޓަރނަލް އޮޑިޓް

 

16-01 ވަނަ މާއްދާ - ދައުލަތުގެ އިންޓަރނަލް އޮޑިޓް

ދައުލަތުގެ ވުޒާރާތަކާއި، އޮފީސްތަކާއި، ޑިޕާޓްމަންޓްތަކާއި، މުއައްސަސާތަކާއި، ކައުންސިލުތަކުގެ މާލީ މުއާމަލާތްތައް ވިލަރެސްކޮށް، އެ ތަންތަން ހިންގަނީ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށްތޯއާއި، އެ ތަންތަނުގެ މަސައްކަތް ހިންގެނީ އެކަށީގެންވާ ހަލުވިކަމާއި ހަރުދަނާކަމާއެކު، ހަރަދުކުރެވޭ ފައިސާއާ އެއްވަރެއްގެ މަންފާއެއް ލިބޭގޮތަށް އިގްތިސާދު ކުރެވިގެންތޯ ބަލައި ކަށަވަރު ކުރުމަށް ޓަކައި، މިނިސްޓަރު، ދައުލަތުގެ އިންޓަރނަލް އޮޑިޓުގެ ނިޒާމެއް ގާއިމުކުރަންވާނެއެވެ.

 

16-02 ވަނަ މާއްދާ -

ދައުލަތުގެ އިންޓަރނަލް އޮޑިޓުގެ މަގުސަދުތައް

ދައުލަތުގެ އިންޓަރނަލް އޮޑިޓުގެ މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.

(ހ) ދައުލަތުގެ އިދާރާތައް ހިންގުމުގައި ކުރިމަތިވެދާނެ އެކިއެކި ހިރާސްތައް ދެނެގަތުމާއި ވަޒަންކުރުން.

(ށ) ދައުލަތުގެ އިންޓަރނަލް އޮޑިޓް ނިޒާމުގެ ކަންކަން ބެލުމާއި ހިންގުމާ ގުޅޭގޮތުން ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އިން ލާޒިމުކުރާ ކަންކަން ކުރަމުންދޭތޯ ބެލުމުގައި މިނިސްޓަރަށް އެހީތެރިވުން.

(ނ) ދައުލަތުގެ މާލީ ނިޒާމާ ގުޅޭ ކަންކަމުގައި ޒިންމާދާރުކުރުވުމާއި، ދެފުށް ފެންނަހެން މަސައްކަތްކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް ބާރުއެޅުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމުގައި މިނިސްޓަރަށް އެހީތެރިވުން.

(ރ) ދައުލަތުގެ އިދާރާތަކުގެ އިސްތިރާޖީ ކަންތައްތަކާއި، އިޖުރާއީ ކަންކަމާއި، އިދާރީ ހިންގުމާ ގުޅޭގޮތުން ހަރުދަނާ ކުރަންޖެހޭ ކަންކަމުގައި ފަންނީ ލަފަޔާއި އިރުށާދު ދިނުން.

 

16-03 ވަނަ މާއްދާ -

ދައުލަތުގެ އިންޓާރނަލް އޮޑިޓް ކޮމިޓީ

(ހ) ދައުލަތުގެ އިންޓަރނަލް އޮޑިޓުގެ ނިޒާމުގެ މަސައްކަތްތައް ބަލައި ވިލަރެސްކުރުމަށް ޓަކައި، ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ ނަމުގައި، 7 (ހަތެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އޮންނަންވާނެއެވެ.

(ށ) ދައުލަތުގެ އިންޓާރނަލް އޮޑިޓް ކޮމިޓީގެ ދައުރަކީ، 3 (ތިނެއް) އަހަރުދުވަހެވެ.

(ނ) ދައުލަތުގެ އިންޓާރނަލް އޮޑިޓް ކޮމިޓީ ޖަވާބުދާރީވާނީ، މިނިސްޓަރަށެވެ.

 

16-04 ވަނަ މާއްދާ - ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ މެންބަރުން އައްޔަނު ކުރުމާއި ވަކިކުރުން

(ހ) ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީއަށް މެންބަރުން އައްޔަނުކޮށް ވަކިކުރާނީ، މިނިސްޓަރުގެ ލަފާގެ މަތީން، ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ކޮމިޓީގެ މެންބަރުން، މެންބަރުކަމުން ވަކިވުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމުން ހުށަހެޅުމުން، މެންބަރުކަމުން ވަކިވީއެވެ.

 

16-05 ވަނަ މާއްދާ - ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ މެންބަރުންގެ ށަރުތުތައް

ދައުލަތުގެ އިންޓާރނަލް އޮޑިޓް ކޮމެޓީއަށް އައްޔަނު ކުރަންވާނީ، މެންބަރުންނާ މަތިކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރެވޭނެ ފަދަ ގާބިލްކަމާއި، ދައުލަތުގެ ހިންގުމުގެ ނިޒާމާއި ދައުލަތުގެ ވުޒާރާތަކުގެ ހިންގުމާއި ހިރާސްތަކާ ގުޅޭ މައުލޫމާތު ހުރި ފަރާތްތަކެވެ. އަދި އެ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

(ހ) ދިވެހި ރައްޔިތެއް ކަމުގައި ވުން.

(ށ) ކޮމިޓީއަށް އައްޔަނު ކުރެވޭ މެންބަރުންގެ ތެރެއިން 3 (ތިނެއް) މެންބަރުންނަކީ އިންޓަނޭށަނަލް ފައިނޭންށަލް ރިޕޯޓިންގ ސްޓޭންޑަޑްސް (އައި.އެފް.އާރް.އެސް) ނުވަތަ އިންޓަނޭށަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަޑްސް (އިޕްސާސް) ނުވަތަ އިންޓަނޭށަނަލް ސްޓޭންޑްސް އޮން އޮޑިޓިންގ (އައި.އެސް.އޭ) ނުވަތަ އިންޓަނޭށަނަލް ޕްރޮފެށަނަލް ޕްރެކްޓިސަސް ފްރޭމްވަރކް (އައި.ޕީ.ޕީ.އެފް) ގެ ފަންނީ އިލްމު ހާސިލުކޮށްފައިވާ ފަރާތްތަކަށް ވުން. އެގޮތުން، އިންޓަރނޭށަނަލް ފެޑެރޭށަން އޮފް އެކައުންޓަންޓްސް (އައިފެކް) އިން ގަބޫލުކުރާ އެކައުންޓިންގ ޖަމާއަތެއްގެ މެންބަރެއް ކަމުގައި ވުމާއެކު، އެކައުންޓިންގގެ ދާއިރާގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.

(ނ) ސާބިތު ދަރަންޏެއް އޮތް ފަރާތެއް ނަމަ، އެ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރާ ފަރާތެއް ކަމުގައި ވުން.

(ރ) ކޮރަޕްށަނުގެ ނުވަތަ ހިޔާނާތުގެ ނުވަތަ ވައްކަމުގެ ނުވަތަ ޓެކުމުގެ ނުވަތަ މި ބާވަތުގެ ފައިސާއާއި މާލީ މުއާމަލާތްތަކާ ގުޅޭ ކުށެއް ށަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

 

16-06 ވަނަ މާއްދާ - ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް

ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި މިވަނީއެވެ.

(ހ) ދައުލަތުގެ މަސްއޫލު އޮފީސްތަކުގައި އޮޑިޓްގެ ނިޒާމު އުފެއްދުމަށް އެންގުމާއި، އެ ނިޒާމު ހިނގާނުހިނގާ ގޮތް ބަލައި ވިލަރެސްކުރުމާއި، ކަމާ ގުޅުންހުރި އުސޫލުތަކާއި ގައިޑްލައިންތައް ހެދުމާއި، ދައުލަތުގެ އިންޓަރނަލް އޮޑިޓުގެ ނިޒާމާ ގުޅޭ އެންމެހައި ކަންކަން ކުރުން؛

(ށ) ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، މި ގަވާއިދަށް އަމަލު ކުރެވެމުންދާކަން ކަށަވަރުކުރުމަށް، ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ މަސައްކަތާ ގުޅުންހުރި މައުލޫމާތު، ދައުލަތުގެ އޮފީސްތަކާއި ދައުލަތުގެ އެނޫންވެސް މުއައްސަސާތަކުން ހޯދުމާއި، އެ ތަންތަނުގެ މުވައްޒަފުން ހާޒިރުކުރަން ޖެހިއްޖެ ހިނދެއްގައި ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ހޯދުން؛

(ނ) ދައުލަތުގެ އިންޓަރނަލް އޮޑިޓުގެ މަސައްކަތް ވިލަރެސްކުރުމާއި، އިންޓަރނަލް އޮޑިޓް ރިޕޯޓުތައް ދިރާސާކޮށް، އެ ރިޕޯޓުތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުން؛

(ރ) ދައުލަތުގެ މަސްއޫލު އޮފީސްތަކުގެ އިންޓަރނަލް އޮޑިޓުގެ ނިޒާމުގެ މުވައްޒަފުންގެ މިނިވަންކަން ކަށަވަރު ކުރުމަށް ޓަކައި އެކުލަވައިލަންޖެހޭ އުސޫލުތައް އެކުލަވައިލުން.

 

16-07 ވަނަ މާއްދާ - ޗީފް އިންޓަރނަލް އޮޑިޓަރ 

ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 44-1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންޓަރނަލް އޮޑިޓް ނިޒާމުގެ އެންމެހައި ކަންކަން ރާވައި ހިންގުމުގެ އެންމެ އިސްވެރިޔަކީ، ޗީފް އިންޓަރނަލް އޮޑިޓަރެވެ.

 

16-08 ވަނަ މާއްދާ - ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމުގެ ށަރުތުތައް

ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމަށް އައްޔަނުކުރަންވާނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތެކެވެ.

(ހ) ދިވެހި ރައްޔިތެއް ކަމުގައި ވުން.

(ށ) އިންޓަރނަލް އޮޑިޓްކުރުމުގައި ނުވަތަ އެކްސްޓަރނަލް އޮޑިޓްކުރުމުގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

(ނ) ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭވަރުގެ ތައުލީމާއި ގާބިލުކަން ހުރި މީހަކު ކަމުގައި ވުމާއެކު، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ މެންބަރެއް ކަމުގައި ވުން.

(ރ) ކޮރަޕްށަނުގެ ނުވަތަ ހިޔާނާތުގެ ނުވަތަ ވައްކަމުގެ ނުވަތަ ޓެކުމުގެ ނުވަތަ މިބާވަތުގެ ފައިސާއާއި މާލީ މުއާމަލާތްތަކާ ގުޅޭ ކުށެއް ށަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

 

16-09 ވަނަ މާއްދާ - ޗީފް އިންޓަރނަލް އޮޑިޓަރ އައްޔަނު ކުރުމާއި ވަކިކުރުން

(ހ) ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމަށް މީހަކު އައްޔަނުކުރާނީ، މިނިސްޓަރުގެ ލަފާގެ މަތީން، ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ޗީފް އިންޓަރނަލް އޮޑިޓަރ އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން ހުށަހަޅައި، އެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، ޗީފް އިންޓަރނަލް އޮޑިޓަރ އެ މަގާމުން ވަކިވީއެވެ.

(ނ) ޗީފް އިންޓަރނަލް އޮޑިޓަރު އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާނުކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެނަމަ، މިނިސްޓަރުގެ މަށްވަރާގެ މަތީން، ޗީފް އިންޓަރނަލް އޮޑިޓަރ އޭނާގެ މަގާމުން ވަކިކުރެވިދާނެއެވެ.

(ރ) ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމުން އޭނާ ވަކިކުރުމާމެދު ރައީސުލްޖުމްހޫރިއްޔާއަށް މަށްވަރާ ދިނުމުގައި ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ މަށްވަރާއާއި ލަފާ ހޯދަންވާނެއެވެ. މި މަށްވަރާ ދިނުމުގައި އަންނަނިވި ކަންތައްތަކަށް ރިއާޔަތް ކުރާންވާނެއެވެ.

  1. ދައުލަތުގެ އިންޓަރނަލް އޮޑިޓް ފަންކްށަނުން އެ އަހަރެއްގެ ތެރޭގައި ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް އެކަށީގެންވާ މިންވަރަކަށް ނުނިންމުން؛
  2. ދައުލަތުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑުތަކާއި އިންޓަރނަލް އޮޑިޓަރެއްގެ ހައިސިއްޔަތުން އަމަލުކުރުމަށް ކަނޑައެޅޭ ސުލޫކީ މިންގަނޑުތަކާ ހިލާފުވުން؛
  3. އިންޓަރނަލް އޮޑިޓްތައް ކުރިޔަށް ގެންދިއުމުގައި މިނިވަންކަން ގެއްލޭގޮތަށް ވަކި ފަރާތަކަށް ބުރަވެހުރެ ކުރިޔަށް ގެންދިއުން.

 

16-10 ވަނަ މާއްދާ - ޗީފް އިންޓަރނަލް އޮޑިޓަރުގެ މަސްއޫލިއްޔަތު

(ހ) ދައުލަތުގެ އިންޓަރނަލް އޮޑިޓުގެ ނިޒާމު، ބައިނަލްއަގުވާމީ މިންގަނޑުތަކާއި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މި ގަވާއިދާ ހިލާފުނުވާނޭހެން، ދައުލަތަށް އެންމެ ފައިދާހުރި ގޮތަކަށް ބައްޓަންކޮށް ހިންގުމާއި، އެ ނިޒާމު ތަރައްގީކުރުން.

(ށ) ދައުލަތުގެ އޮފީސްތަކުގެ ތެރެއިން، އެ އޮފީހެއްގެ ބަޖެޓާއި، އެ އޮފީހަކުން ހިންގާ މަށްރޫއުތަކަށް ރިއާޔަތްކޮށް، އިންޓަރނަލް އޮޑިޓް ޔުނިޓްތައް ގާއިމުކުރާނެ އޮފީސްތައް، މިނިސްޓަރުގެ ލަފާގެ މަތީން ކަނޑައެޅުން؛ އެ ގޮތުން އެކުލަވައިލާ އިންޓަރނަލް އޮޑިޓް ޔުނިޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަގާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ޖަވާބުދާރީވާނީ، ޗީފް އިންޓަރނަލް އޮޑިޓަރަށެވެ.

(ނ) ދައުލަތުގެ އިންޓަރނަލް އޮޑިޓުގެ ނިޒާމަށް ބޭނުންވާ އެންމެހައި ތަމްރީނުތައް ރާވައި ހިންގުމާއި، ކަމާ ގުޅުންހުރި ފަންނުތަކަށް މި ނިޒާމުގެ މުވައްޒަފުން އަހުލުވެރިކުރުވުން.

(ރ) ކުރު ރާސްތާއާއި ދިގުރާސްތާގެ އޮޑިޓް ޕްލޭން އެކުލަވައިލައި، ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީން ފާސްކުރުމަށްފަހު، އެ ޕްލޭން ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ރާވައި ހިންގުން.

 

16-11 ވަނަ މާއްދާ - ޗީފް އިންޓަރނަލް އޮޑިޓަރުގެ ބާރުތައް

(ހ) ދައުލަތުގެ މުދަލާއި ފައިސާއާއި، މުދަލާއި ފައިސާގެ ހިސާބުތަކާއި، މުދަލާއި ފައިސާއާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، ދައުލަތުގެ ޗީފް އިންޓަރނަލް އޮޑިޓަރަށް ނުވަތަ ދައުލަތުގެ އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ތެރެއިން ޗީފް އިންޓަރނަލް އޮޑިޓަރ ކަނޑައަޅާ މުވައްޒަފަކަށް ބެލިދާނެއެވެ.

(ށ) ދައުލަތުގެ އިންޓަރނަލް އޮޑިޓު ފަންކްށަނުން ކުރާ އޮޑިޓްތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ލިޔެކިއުންތަކާއި، ހިސާބުތަކާއި، އިންޓަރނަލް އޮޑިޓް ކުރިޔަށް ގެންދިއުމުގައި ބޭނުންވާ މައުލޫމާތާއި އެހީތެރިކަން އޮފީސްތަކުގެ ވެރިންނާއި މުވައްޒަފުން ދޭންވާނެއެވެ. އަދި ދައުލަތުގެ އޮފީސްތަކުގައި ހިންގާ އިންޓަރނަލް އޮޑިޓުގެ ހަރަކާތްތަކަށް ބޭނުންވާ މައުލޫމާތާއި އެއްބާރުލުމާއި އެހީތެރިކަން އެ އޮފީހެއްގެ މުވައްޒަފުން ވެސް ފޯރުކޮށްދޭންވާނެއެވެ.

 

16-12 ވަނަ މާއްދާ - ދައުލަތުގެ އިންޓަރނަލް އޮޑިޓް އުސޫލު

މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ އިންޓަރނަލް އޮޑިޓް އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ދައުލަތުގެ އޮފީސްތަކުގައި އިންޓަރނަލް އޮޑިޓް ގާއިމުކުރެވިދާނެއެވެ. މި އުސޫލުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) ދައުލަތުގެ އޮފީސްތަކާއި ދައުލަތުގެ މަސްއޫލު އޮފީސްތަކުގައި އިންޓަރނަލް އޮޑިޓް ކޮމިޓީއާއި އިންޓަރނަލް އޮޑިޓް ކޮމިޓީ އެކުލަވައިލާނެ ގޮތާއި، ހިންގުމާ ގުޅޭ އެންމެހައި އުސޫލުތައް.

(ށ) އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓް ކޮމިޓީ އިންޓަރނަލް އޮޑިޓް ކޮމިޓީ އެކުލަވައިލާނެ ގޮތާއި، ހިންގުމާ ގުޅޭ އެންމެހައި އުސޫލުތައް.

(ނ) އިންޓަރނަލް އޮޑިޓަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތާއި، ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް.

 

16-13 ވަނަ މާއްދާ -އޮޑިޓް ކޮމިޓީ ޗާޓަރު

މި ގަވާއިދުގެ ދަށުން އެކުލަވައިލާ އިންޓަރނަލް އޮޑިޓް ކޮމިޓީތަކުން އެ ކޮމިޓީއަކަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާ ގުޅޭ އެހެނިހެން ކަންކަން ބަޔާންކޮށް އިންޓަރނަލް އޮޑިޓް ޗާޓަރެއް އެކުލަވައިލަންވާނެއެވެ.

 

16-14 ވަނަ މާއްދާ - އިންޓަރނަލް އޮޑިޓަށް އެއްބާރުލުން ދިނުން

އިންޓަރނަލް އޮޑިޓުގެ ހަރަކާތްތައް ހިންގުމާއި ރޭވުމުގައި ދައުލަތުގެ އޮފީސްތަކުގެ މާލީ ޒިންމާދާރު ވެރިން އެހީތެރިވެދޭންވާނެއެވެ. އަދި ދައުލަތުގެ އޮފީސްތަކުގައި ހިންގާ އިންޓަރނަލް އޮޑިޓުގެ ހަރަކާތްތަކަށް ބޭނުންވާ މައުލޫމާތާއި އެއްބާރުލުމާއި އެހީތެރިކަން އެ އޮފީހެއްގެ މުވައްޒަފުން ފޯރުކޮށްދޭންވާނެއެވެ. އަދި ދައުލަތުގެ އިންޓަރނަލް އޮޑިޓުގެ މަސައްކަތަށް ހުރަސްއަޅާނަމަ، މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 

ބާބު 17

ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުން

 

17-01 ވަނަ މާއްދާ - ހުއްދަ ނޫން އަމަލާއި، އެފަދަ އަމަލެއް ކުރުމުން ފިޔަވަޅުއެޅުން

ދައުލަތުގެ މުދަލާއި ފައިސާގެ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި އެއްވެސް މުވައްޒަފަކު ނުވަތަ އެ ނޫން ފަރާތަކުން ވެސް ހުއްދަނޫން އަމަލެއް ކޮށްފިނަމަ، އެ މައްސަލައެއް ބަލައި ފިޔަވަޅުއަޅާނީ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. މި ގަވާއިދުގެ ބޭނުމަށް ހުއްދަނޫން އަމަލެއް ކަމަށް ބަލާނީ، ތިރީގައިވާ ކަންކަމެވެ.

(ހ) ދައުލަތުގެ ފައިސާ ނުވަތަ މުދާ ނެގުމާއި، އަނބުރާ ހޯދުމާއި، ޖަމާކުރުމާއި، ހިސާބުތަކަށް ވެއްދުމުގެ ޒިންމާއާ ހަވާލުވެހުރި މީހަކު، ފައިސާ ނުވަތަ މުދާ ނެގުމާއި ނުވަތަ އަނބުރާ ހޯދުމާއި ނުވަތަ ޖަމާކުރުމާއި ނުވަތަ ހިސާބުތަކަށް ވެއްދުމުގައި އިހުމާލުވުން ނުވަތަ ފަރުވާކުޑަކުރުން.

(ށ) އެ މީހެއްގެ ޒިންމާގެ ދަށުގައި ހުރި ދައުލަތުގެ ފައިސާ ނުވަތަ ފައިސާއިން ބައެއް މަދުވުން.

(ނ) އެ މީހެއްގެ ޒިންމާގެ ދަށުގައި ހުރި ދައުލަތުގެ މުދަލަކަށް އުނިކަމެއް ލިބުން ނުވަތަ ގެއްލުން.

(ރ) ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި މި ގަވާއިދާ ހިލާފަށް ދައުލަތުގެ ފައިސާއެއް ހަރަދުކުރުމާއި، ފައިސާއެއް ނުވަތަ މުދަލެއް އެއްވެސް ފަރާތަކަށް ދިނުން، ނުވަތަ ވިއްކައިލުން، ނުވަތަ ނައްތައިލުން، ނުވަތަ ފޮރުވުން ނުވަތަ ކޮރަޕްށަނުގެ އަމަލެއް ހިންގުން.

(ބ) ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި މި ގަވާއިދާ ހިލާފަށް އަމަލުކުރުން.

 

17-02 ވަނަ މާއްދާ - ޖިނާއީ ކުށެއް ހިމެނޭ މައްސަލައަކާމެދު އަމަލުކުރާނެ ގޮތް

(ހ) މި ބާބުގެ 17.01 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަނޫން އަމަލެއް ދައުލަތުގެ އޮފީހެއްގެ މުވައްޒަފަކު ކުރިކަމަށް ތުހުމަތު ކުރެވިއްޖެނަމަ، ހުއްދަނޫން އަމަލެއް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތް ވަޒީފާ އަދާކުރާ ދައުލަތުގެ އޮފީހެއްގައި މިފަދަ މައްސަލަތައް ބެލުމަށް މިނިސްޓަރު ކަނޑައަޅައިފައިވާ އިންތިޒާމުގެ ތެރެއިން އެ މައްސަލައެއް ބެލިބެލުމުން، އެ މައްސަލައަކީ ޖިނާއީ ކުށެއް ހިމެނޭ މައްސަލައެއްކަމަށް ފެނިއްޖެނަމަ، އެ މައްސަލައެއް ބެލުމަށް ޓަކައި އެކަމަކާ ގުޅޭ ތަހުގީގީ އިދާރާއަކަށް އެ މައްސަލައެއް ފޮނުވަންވާނެއެވެ.

(ށ) އެ މައްސަލައެއް ބެލުމަށް ޓަކައި އެ ކަމާ ގުޅޭ ތަހުގީގީ އިދާރާއަކަށް ފޮނުވާ މައްސަލަތަކުގެ ރިކޯޑު، އެ އޮފީހަކުން ބަލަހައްޓަމުން ގެންދަންވާނެއެވެ.

 

17-03 ވަނަ މާއްދާ - ޖިނާއީ ކުށެއް ނުހިމެނޭ މައްސަލަތައް ބެލުން

(ހ) މި ބާބުގެ 17.01 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހުއްދަނޫން އަމަލެއް ދައުލަތުގެ އޮފީހެއްގެ މުވައްޒަފަކު ކުރިކަމަށް ތުހުމަތު ކުރެވިއްޖެނަމަ، ހުއްދަނޫން އަމަލެއް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތް ވަޒީފާ އަދާކުރާ ދައުލަތުގެ އޮފީހެއްގައި މިފަދަ މައްސަލަތައް ބެލުމަށް މިނިސްޓަރު ކަނޑައަޅައިފައިވާ އިންތިޒާމުގެ ތެރެއިން އެ މައްސަލައެއް ބެލިބެލުމުން، އެއްވެސް މީހަކު ނުވަތަ ބަޔަކު ޒިންމާވާންޖެހޭކަމަށް ކަނޑައެޅިއްޖެނަމަ، އެ މީހެއްގެ ނުވަތަ އެ ބައެއްގެ ފަރާތުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އެ ފަރާތެއް ޖޫރިމަނާކޮށް، އެ ފައިސާ ދެއްކުމަށް އަންގަންވާނެއެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކާނަމަ، އެ ފައިސާ ހޯދުމުގެ މަސައްކަތް ށަރީއަތަށް ހުށަހަޅައިގެން ކުރިޔަށް ގެންދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޖޫރިމަނާކުރެވޭ އަދަދު ވާންވާނީ، އަންނަނިވި ގޮތުގެ މަތީން ކަނޑައެޅޭ އަދަދަކަށެވެ.

  1. ހުއްދަނޫން އަމަލު ހިންގުމުގައި ހިމެނުނު ދައުލަތުގެ ފައިސާގެ އަދަދު، ނުވަތަ ދައުލަތުގެ މުދަލުގެ އަގާ އެއްވަރުގެ އަދަދެއް؛ ނުވަތަ
  2. މުވައްޒަފު ޒިންމާވާންޖެހޭގޮތަށް އުނިވެފައިވާ ފައިސާގެ އަދަދާ އެއްވަރުގެ އަދަދެއް؛ ނުވަތަ
  3. މުވައްޒަފު ވިއްކައިލި، ނުވަތަ ދޫކޮށްލި، ނުވަތަ ހަލާކުކުރި، ނުވަތަ ގެއްލުންދިން ދައުލަތުގެ މުދަލުގެ އަގާ އެއްވަރުގެ އަދަދެއް.

(ނ) މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ މުއައްސަސާއަކަށް ދައްކަންޖެހޭ މުދަލެއް ނުވަތަ ފައިސާއެއް ދައްކައި ނުނިމެނީސް ވަޒީފާއިން ވަކިވާން ނުވަތަ ވަކިކުރަން ނިންމައިފިނަމަ، އެ މުވައްޒަފަކު އެހައިތަނަށް ނުދައްކައި އޮތް އެއްޗެއް ދައްކައި ހަލާސްކުރާނެ ގޮތަކާމެދު އެ މުވައްޒަފަކާ އެ މުއައްސަސާއަކާ ދެމެދު އެއްބަސްވާ ގޮތެއް، ވަޒީފާއިން ވަކިކުރުމުގެ ކުރިން ނިންމަންވާނެއެވެ.

(ރ) މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ އޮފީހަކަށް ދައްކަންޖެހޭ މުދަލެއް ނުވަތަ ފައިސާއެއް ދައްކައި ނުނިމި އޮއްވައި ދައުލަތުގެ އެހެން އޮފީހަކަށް ބަދަލުވާނަމަ ނުވަތަ ބަދަލުކުރާނަމަ، އެ މުވައްޒަފަކު އެހައިތަނަށް ނުދައްކައި އޮތް އެއްޗެއް ބަދަލުވާ އޮފީހަކަށް ދައްކައި ހަލާސްކުރުމަށް އެ މުވައްޒަފަކު އެއްބަސްކުރުވައި، އެއްބަސްވުމުގެ ލިޔުމުގެ ކޮޕީ، ބަދަލުވާ އޮފީހަށް، ވަޒީފާ އަދާކުރަމުންދިޔަ އޮފީހުން ފޮނުވަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ކުރެވޭ ޖޫރިމަނާއެއްގެ މަގުސަދަކަށް ވާންވާނީ، ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ފުރިހަމަޔަށް ހޯދުމެވެ. އަދި ގެއްލުމުގެ ބަދަލު ފުރިހަމަޔަށް ލިބެންދެން، ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ދެމިއޮންނާނެއެވެ.

(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅެއް އެޅުމަކީ، ހުއްދަނޫން އަމަލެއް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތެއް ކުރި ކަމަކާ ގުޅިގެން ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން މަދަނީ ދައުވާއެއް އުފުލުމަށް އޮތް ހުރަހެއް ނޫނެވެ.

 

17-04 ވަނަ މާއްދާ - ހުއްދަނޫން އަމަލެއް ކުރާ މީހަކާމެދު އިދާރީ ފިޔަވަޅުއެޅުން

ހުއްދަނޫން އަމަލެއް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތް ވަޒީފާ އަދާކުރާ ދައުލަތުގެ އޮފީހެއްގައި މިފަދަ މައްސަލަތައް ބެލުމަށް ކަނޑައަޅައިފައިވާ އިންތިޒާމުގެ ތެރެއިން އެ މައްސަލައެއް ބެލިބެލުމުން، އެ މައްސަލައިގައި ވަކިމީހަކަށް ނުވަތަ ވަކިބަޔަކަށް އިދާރީގޮތުން ފިޔަވަޅުއަޅަންޖެހޭކަމަށް ފެންނަނަމަ، އެ މީހަކާމެދު އިދާރީގޮތުން ފިޔަވަޅު އެޅުމަށް ޓަކައި އަމަލުކުރާނީ، އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) ސިވިލް ސަރވިސްގެ މުވައްޒަފެއް ނަމަ، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދު ނަންބަރު 2014-311 (ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014) ގެ ދަށުން ފިޔަވަޅު އެޅުމަށް ފޮނުވުން.

(ށ) ސިވިލް ސަރވިސް ނޫން މުވައްޒަފެއްނަމަ، ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އެޅުމަށް ވަޒީފާދިން ފަރާތަށް އެންގުން.

 

17-05 ވަނަ މާއްދާ - ހުއްދަނޫން އަމަލެއްގެ މައްސަލަ ބެލުން

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މި ބާބުގައި ބަޔާންކޮށްފައިވާ މައްސަލަތައް ބެލުމުގައި، ޖިނާއީގޮތުން ތަހުގީގުކުރަންޖެހޭ މައްސަލަތައް ފިޔަވައި، ދައުލަތުގެ އޮފީސްތަކުގައި މާލިއްޔަތާ ގުޅޭ މައްސަލަ ބަލާނީ، އިންޓަރނަލް އޮޑިޓް ނިޒާމުގެ ތެރެއިން އެ އޮފީހެއްގައި މައްސަލަ ބެލުމަށް ކަނޑައަޅައިފައިވާ ކޮމިޓީންނެވެ.

 

17-06 ވަނަ މާއްދާ - މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީގެ މަސްއޫލިއްޔަތު

މި ގަވާއިދުގެ 17.05 ވަނަ މާއްދާގެ ދަށުން، މާލިއްޔަތުގެ މައްސަލަ ބެލުމަށް ކަނޑައަޅައިފައިވާ ކޮމިޓީގެ މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.

(ހ) ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހަރަދުކުރުމާއި، މުދަލާއި ފައިސާގެ ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި މި ގަވާއިދާ ހިލާފަށް ހިންގާ އަމަލުތައް ބަލައި ދިރާސާކުރުން.

(ށ) ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހަރަދުކުރުމާއި، މުދަލާއި ފައިސާގެ ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި މި ގަވާއިދާ ހިލާފަށް އަމަލެއް ހިންގިކަމުގެ ތުހުމަތުކުރެވި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން އެ ކަމެއް ކޮމިޓީއަށް ހުށަހެޅިއްޖެނަމަ، އެ މައްސަލައެއް ބެލުން.

(ނ) ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި މި ގަވާއިދުގެ ދަށުން އެއްވެސް ފަރާތަކާމެދު ފިޔަވަޅެއް އެޅުމަށް އެދި ދައުލަތުގެ އޮފީހަކުން ހުށަހަޅައިފިނަމަ، އެ ފަރާތަކާމެދު މި ގަވާއިދުގެ ދަށުން ފިޔަވަޅުއެޅުމުގެ ކަންކަން ކުރިޔަށް ގެންދިއުން.

(ރ) ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި މި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަންޖެހޭކަމަށް އިންޓަރނަލް އޮޑިޓް ރިޕޯޓުތަކުން ފާހަގަކުރެވޭ މައްސަލަތައް ހުށަހެޅުމުން، އެ މައްސަލައެއް ބަލައި މި ގަވާއިދުގެ ދަށުން ފިޔަވަޅުއެޅުމުގެ ކަންކަން ކުރިޔަށް ގެންދިއުން.

(ބ) މިނިސްޓަރު ނުވަތަ އެ އޮފީހެއްގެ އިސްވެރިޔާ ހުށަހަޅާ މައްސަލަތައް ބަލައި ދިރާސާކޮށް، އެ މައްސަލައެއް ބަލައި، މި ގަވާއިދުގެ ދަށުން ފިޔަވަޅުއެޅުމުގެ ކަންކަން ކުރިޔަށް ގެންދިއުން.

 

17-07 ވަނަ މާއްދާ - މާލިއްޔަތުގެ މައްސަލަ ބަލައި ރިޕޯޓުކުރުން

(ހ) މައްސަލަ ބަލާ ކޮމިޓީން ފަރާތުން މައްސަލަތައް ބެލުމުގައި، މުސްތަގިއްލުކަމާއެކު މަސައްކަތް ކުރަންވާނެއެވެ. މައްސަލަތައް ބެލުމުގައި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކާއި، ހިސާބުތަކާއި، މައްސަލައިގެ ހެއްކާއި ގަރީނާތަކަށް ރިއާޔަތް ކުރަންވާނެއެވެ. މިގޮތަށް މައްސަލަތައް ބެލުމުގައި ދައުލަތުގެ ކޮންމެ މުވައްޒަފަކާ ވެސް ކޮމިޓީން ސުވާލުކުރެވިދާނެއެވެ.

(ށ) މައްސަލައިގެ ބާވަތުން ދިވެހި ފުލުހުންގެ ހިދުމަތް ނުވަތަ ތަހުގީގީ އިދާރާއެއް މެދުވެރިކޮށް ތަހުގީގުކުރާ ކަންކަމުގައި އެ ފަރާތުން އެދިއްޖެ ހިނދެއްގައި، އެ މައްސަލައިގެ ފަންނީ ލަފާދީ، ތުހުމަތުކުރެވޭ މުވައްޒަފުންނާ ސުވާލުކުރުމަށް އެ ތަހުގީގީ އިދާރާއަށް އެހީތެރިވުމަށް ކޮމިޓީގެ މެންބަރަކު ހަމަޖެއްސިދާނެއެވެ.

(ނ) މައްސަލަ ބަލައި ނިމޭ ތާރީހުން ފެށިގެން ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮމިޓީގެ ރިޕޯޓު ތައްޔާރުކޮށް، ކޮމިޓީގައި ހިމެނޭ ހުރިހާ މެންބަރުން ރިޕޯޓުގައި ސޮއިކުރުމަށްފަހު، ސިއްރު ރިޕޯޓެއްގެ ގޮތުގައި، ތިރީގައިވާ ފަރާތްތަކަށް އެ ރިޕޯޓު ފޮނުވަންވާނެއެވެ.

  1. އެ މައްސަލައެއް ބެލީ މިނިސްޓްރީގައި ގާއިމުކޮށްފައިވާ އިންޓަރނަލް އޮޑިޓް ނިޒާމުގެ ތެރެއިން ކަމުގައި ވާނަމަ، މިނިސްޓަރަށް؛ އަދި
  2. އެ މައްސަލައެއް ބެލީ ދައުލަތުގެ އެހެން އޮފީހެއްގައި އޮޑިޓް ނިޒާމުގެ ތެރެއިން އުފައްދައިފައިވާ ކޮމިޓީއަކުން ނަމަ، އެ އޮފީހެއްގެ އެންމެ އިސްވެރިޔާއަށް.

(ރ) ކޮމިޓީގެ ރިޕޯޓުގައި، ތިރީގައި ބަޔާންކޮށްފައިވާ ނުކުތާތަކަށް ރިއާޔަތް ކުރަންވާނެއެވެ.

  1. އެ މައްސަލާގައި އެއްވެސް ފަރާތަކާމެދު ފިޔަވަޅު އެޅުމަށް ނިންމައިފައިވާނަމަ، އެޅުމަށް ނިންމި ފިޔަވަޅާއި، އެ ގޮތަށް ނިންމި ސަބަބު؛
  2. ދައުލަތުގެ މުދަލަށް ނުވަތަ ފައިސާއަށް ގެއްލުން ލިބުނު ގޮތް؛
  3. މުދަލާއި ފައިސާއާ ހަވާލުވެހުރި މުވައްޒަފުގެ އިހުމާލުން ގެއްލުމެއް ލިބިފައިވާނަމަ، އިހުމާލުވެފައިވާ މިންވަރު؛
  4. މުދަލާއި ފައިސާއާ ހަވާލުވެހުރި މުވައްޒަފުގެ އިތުރުން އެހެން މުވައްޒަފަކު ނުވަތަ އެހެން މީހަކު ކުރި ކަމެއް، ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ގެއްލުން ލިބިފައިވާނަމަ، އެ ފަރާތެއް މަސްއޫލުވާ މިންވަރު؛
  5. މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓުމަށް އެ ތަނެއްގައި ގެންގުޅޭ ނިޒާމުގައި ހުރި އުނިކަމެއްގެ ސަބަބުން ގެއްލުން ލިބުމަށް މަގުފަހިވެފައިވާނަމަ، އެކަމުގެ ތަފުސީލު؛
  6. ޖިނާއީ ދައުވާއެއްގެ ސަބަބުން މައްސަލަ ބެލުމަށް އެއްވެސް ހުރަހެއް ކުރިމަތިވެފައިވާނަމަ، އެ ކަމެއް ބަޔާންކުރުން.

(ބ) މައްސަލަ ބަލާ ކޮމިޓީން ތައްޔާރުކުރާ ރިޕޯޓުގައި ހިޔާލެއް ނުވަތަ ލަފައެއް ހިމެނުމަށް ފެންނަނަމަ، ތިރީގައިމިވާ ކަންތައްތަކަށް ރިއާޔަތްކޮށް ރިޕޯޓުގައި އެ ކަމެއް ހިމަނަންވާނެއެވެ.

  1. ގެއްލުންތައް ހުއްޓުވުމަށް ޓަކައި ނުވަތަ މަދުކުރުމަށް ޓަކައި މުސްތަގުބަލުގައި އެޅެންހުރި ފިޔަވަޅުތައް؛ 
  2. މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް.

(ޅ) މި މަރުހަލާގައި މިނިސްޓަރު ނުވަތަ އެ ރިޕޯޓު ހުށަހެޅުނު ދައުލަތުގެ އޮފީހެއްގެ އިސްވެރިޔާގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ، އިތުރު ފަރާތަކަށް މި ރިޕޯޓު ދީ ނުވަތަ ރިޕޯޓުގައިވާ މައުލޫމާތެއް އެއްވެސް ފަރާތަކަށް ހާމަކޮށް ނުވަތަ ށާއިއުކޮށްގެން ނުވާނެއެވެ.

 

17-08 ވަނަ މާއްދާ - ކޮމިޓީގެ ރިޕޯޓު ލިބުމުން އަމަލުކުރަންޖެހޭ ގޮތް

(ހ) ކޮމިޓީގެ ރިޕޯޓު ލިބުމަށްފަހު، 30 (ތިރީސް) ދުވަހުގެ ތެރޭގައި، މިނިސްޓަރު ނުވަތަ އެ އޮފީހެއްގެ އިސްވެރިޔާގެ ލަފާގެ މަތީން، ފިޔަވަޅު އަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނީ، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހަކަށް އަންގައި، އެ އޮފީހެއް މެދުވެރިކޮށްގެންނެވެ.

 

ބާބު 18

ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން އަދި އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގޭ މަށްރޫއުތައް ކުރިޔަށް ގެންދިއުން

 

18-01 ވަނަ މާއްދާ - ތައާރުފާއި މަގުސަދު

މި ގަވާއިދުގެ 10 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ދައުލަތުގެ ޕްރޮކިއުމަންޓުގައި ނުހިމެނޭ ގޮތަށް ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން އަދި އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގޭ މަށްރޫއުތައް ކުރިޔަށް ގެންދިއުމުގައި އަމަލުކުރަންވާނީ، މި ބާބުގައި ކަނޑައަޅައިފައިވާ މައިގަނޑު އަސާސްތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

18-02 ވަނަ މާއްދާ - މި ބާބުގެ ދަށުން ކުރިޔަށް ގެންދެވޭނެ މަށްރޫއުތައް

ދައުލަތުގެ ޕްރޮކިއުމަންޓުގެ ގޮތުގައި ނުބެލެވޭ، ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހިންގޭ އިގްތިސާދީ މަށްރޫއެއް ކަމުގައި އަދި އިޖުތިމާއީ މަށްރޫއެއް ކަމުގައި ބަލާނީ، ތިރީގައިވާ ފަދަ މަށްރޫއުތަކެވެ.

(ހ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީ ކުރުމަށް ޓަކައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޭގޮތަށް ހިންގާ މަށްރޫއުތައް.

(ށ) މި ގަވާއިދުގެ 18.01 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގުސަދެއް ހާސިލު ކުރުމަށް ޓަކައި އިންވެސްޓްކުރާނެ ފަރާތެއް ހޯދުމަށް އާންމުކޮށް ހުޅުވައިލައިގެން ދައުލަތުގެ އޮފީހަކުން ކުރިޔަށްގެންދާ މަށްރޫއުތައް.

(ނ) މި ގަވާއިދުގެ 10.22 ވަނަ މާއްދާގެ ދަށުން ހުށަހަޅާ އަންސޮލިސިޓެޑް ޕްރޮޕޯޒަލެއް ކަމަށް ނުބެލެވޭގޮތަށް އަމިއްލަ ފަރާތަކުން އިންވެސްޓްކޮށްގެން ކުރިޔަށް ގެންދިއުމަށް ހުށަހަޅާ މަށްރޫއުތައް.

 

18.03 ވަނަ މާއްދާ - ކައުންސިލްތައް ފިޔަވައި ދައުލަތުގެ އޮފީހަކުން އިއުލާނުކޮށްގެން ހިންގޭ މަށްރޫއުތައް

ލޯކަލް ކައުންސިލްތައް ފިޔަވައި، ދައުލަތުގެ އޮފީހަކުން ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހިންގުމަށް ކަނޑައަޅާ އިގްތިސާދީ މަށްރޫއެއް އަދި އިޖުތިމާއީ މަށްރޫއެއް ކުރިޔަށް ގެންދިއުމަށް ޕްރަޕޯޒަލް ހުށަހެޅުމަށް އިއުލާނު ކުރުމުގެ ކުރިން ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ހުއްދަ ހޯދަންވާނެއެވެ. މި ހުއްދަ ހޯދުމަށް އެދޭއިރު، ތިރީގައިވާ މައުލޫމާތު ހިމެނޭގޮތަށް ޕްރޮޕޯޒަލެއް ހުށަހަޅަން ވާނެއެވެ.

(ހ) ކުރިޔަށް ގެންދަން ބޭނުންވާ މަށްރޫއުގެ ތަފުސީލު.

(ށ) އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތު ނުވަތަ އިޖުތިމާއީ ސިޔާސަތު.

(ނ) މާލީގޮތުންނާއި އިގްތިސާދީގޮތުން ދައުލަތަށް ކުރާނެ އަސަރު.

(ރ) އެ މަށްރޫއަށް ދައުލަތުގެ އެއްވެސް މުދަލެއް ދޭނަމަ، އެ މުދަލެއްގެ ތަފުސީލާއި އަގު.

 

18-04 ވަނަ މާއްދާ - ކައުންސިލްތައް ފިޔަވައި ދައުލަތުގެ އޮފީހަކަށް އަމިއްލަ ފަރާތަކުން ހުށަހަޅާ ޕްރަޕޯޒަލް

އަންސޮލިސިޓެޑް ޕްރޮޕޯޒަލްގެ ގޮތުގައި މި ގަވާއިދުގެ 10.22 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޕްރަޕޯޒަލްތަކަށް ނުފެތޭގޮތަށް އަމިއްލަ ފަރާތަކުން ކުރިޔަށް ގެންދިއުމަށް ކައުންސިލްތައް ފިޔަވައި، ދައުލަތުގެ އޮފީހަކަށް ހުށަހަޅާ ޕްރަޕޯޒަލްތައް ބަލައިގަނެ ކުރިޔަށް ގެންދާނީ، މި ބާބުގެ ދަށުން ހަދާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

18-05 ވަނަ މާއްދާ - މަށްރޫއުކުރިޔަށް ގެންދިއުމާމެދު ގޮތެއް ކަނޑައެޅުން

(ހ) މި ބާބުގެ ދަށުން އެކުލަވައިލާ އުސޫލާ އެއްގޮތަށް ކައުންސިލްތައް ފިޔަވައި ސަރުކާރުގެ އޮފީހަކަށް ހުށަހަޅާ ޕްރަޕޯޒަލް ބަލައިގަނެ އިވެލުއޭޓްކުރުމަށްފަހު، އެ މަށްރޫއާމެދު ގޮތެއް ނިންމުމަށް ޓަކައި ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހުށަހަޅަންވާނެއެވެ.

(ށ) ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ގޮތެއް ނިންމުމުގައި އެ މަށްރޫއެއް ކުރިޔަށްގެންދިއުމަށް ނުވަތަ ޕްރަޕޯޒަލް ހުށަހެޅި ފަރާތަށް މަށްރޫއު ހަވާލުކުރުމަށް ނުވަތަ އެ މަށްރޫއަށް ބޭނުންވާ ޖުމުލަ ފައިނޭންސް ނުވަތަ ފައިނޭންސްގެ ބައެއް ބަލައިގަތުމަށް ނިންމިދާނެއެވެ.

(ނ) މި ބާބުގެ ދަށުން ހަވާލުކުރާ މަށްރޫއުތަކަށް ސަރުކާރުން ނުވަތަ ކައުންސިލުން މުދަލެއް ދޭނަމަ، އެ މުދަލެއް ދޭންވާނީ، ހަމަހަމަ އުސޫލެއްގެ ދަށުންނެވެ.

 

18-06 ވަނަ މާއްދާ - މަށްރޫއުތަކަށް ލިބޭ ފައިސާ ބަލައިގަތުމާއި ހަރަދުކުރުން

މި ބާބުގެ ދަށުން ކުރިޔަށްގެންދާ މަށްރޫއުތަކުގެ ތެރެއިން އެ މަށްރޫއަށް ބޭނުންވާ ޖުމުލަ ފައިނޭންސް ނުވަތަ ފައިނޭންސްގެ ބައެއް ބަލައިގަތުމަށް ނިންމާ ހާލަތްތަކުގައި، އެ މަށްރޫއުތަކަށް ލިބޭ ފައިސާ ޖަމާކޮށް ހަރަދުކުރަންވާނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) މި ބާބުގެ ދަށުން ހިންގާ މަށްރޫއުތަކަށް ލިބޭ ފައިސާ ޖަމާކުރަންވާނީ، ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓުގެ ދަށުން އެ މަށްރޫއަށް ހާއްސަކުރާ ޓްރަސްޓް ފަންޑަކަށެވެ.

(ށ) ޓްރަސްޓް އަކައުންޓުން ހަރަދުކުރަންވާނީ، ޓްރަސްޓް އެކަންއުންޓް ހާއްސަކޮށްފައިވާ މަށްރޫއަށް ނުވަތަ މަށްރޫއުތަކަށެވެ.

 

18-07 ވަނަ މާއްދާ - މަށްރޫއެއް ކުރިޔަށް ގެންދާ ފަރާތުގެ ފެންވަރު ބެލުން

މި މާއްދާގެ ދަށުން މަށްރޫއެއް ކުރިޔަށްގެންދާ ހާލަތުގައި، އެ މަށްރޫއެއް ކުރިޔަށް ގެންދިޔުމަށް ހަވާލުކުރެވޭ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަށްރޫއެއް ކުރިޔަށް ގެންދިޔުމަށް އެކަށީގެންވާ ގާބިލު ފަރާތެއްކަމާއި، މަށްރޫއު ކުރިޔަށް ގެންދިއުމުގެ ސަބަބުން ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއް އަދި އިޖުތިމާއީ ސިޔާސަތެއް ހާސިލުވާނެކަން އެ މަށްރޫއެއް ހަވާލުކުރާ ފަރާތުން ކަށަވަރު ކުރަންވާނެއެވެ.

(ހ) މި މާއްދާގެ ދަށުން ކުރިޔަށްގެންދާ މަށްރޫއަކީ ހަމައެކަނި ފައިނޭސިންގ މަށްރޫއެއްނަމަ، ހުށަހަޅާ ފަރާތެއްގެ މާލީ ގާބިލުކަން ކަށަވަރު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ކުރިޔަށްގެންދާ މަށްރޫއަކީ ހަމައެކަނި ފަންނީ މަސައްކަތް ކަމުގައި ވާނަމަ، އެ ފަރާތެއްގެ ފަންނީ ގާބިލުކަން ކަށަވަރުކުރަންވާނެއެވެ.

 

18-08 ވަނަ މާއްދާ - ކައުންސިލްތަކުން ކުރިޔަށްގެންދާ މަށްރޫއުތައް

މި ބާބުގެ ދަށުން ކުރިޔަށް ގެންދިއުމަށް ގަސްތުކުރާ މަށްރޫއުތަކުގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިހްތިސާސުގެ ތެރޭގައި ހިމެނޭ މަށްރޫއުތައް ކުރިޔަށް ގެންދިއުމުގައި އަމަލުކުރާނީ ތިރީގައި ވާގޮތުގެ މަތީންނެވެ.

 

18-09 ވަނަ މާއްދާ - ލޯކަލް ކައުންސިލަކުން އިއުލާނުކޮށްގެން ކުރިޔަށްގެންދާ މަށްރޫއު

(ހ) ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހިންގޭ އިގްތިސާދީ މަށްރޫއެއް އަދި އިޖުތިމާއީ މަށްރޫއެއް ލޯކަލް ކައުންސިލަކުން ކުރިޔަށް ގެންދިއުމަށް ޕްރަޕޯޒަލް ހުށަހެޅުމަށް އިއުލާނު ކުރުމުގެ ކުރިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހުއްދަ ހޯދަންވާނެއެވެ. މި ހުއްދަ ހޯދުމަށް އެދޭއިރު، ތިރީގައިވާ މައުލޫމާތު ހިމަނައިގެން ޕްރޮޕޯޒަލެއް ހުށަހަޅަން ވާނެއެވެ.

  1. ކުރިޔަށް ގެންދަން ބޭނުންވާ މަށްރޫއުގެ ތަފުސީލު؛
  2. އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތު ނުވަތަ އިޖުތިމާއީ ސިޔާސަތު؛
  3. މާލީގޮތުންނާއި އިގްތިސާދީގޮތުން ދައުލަތަށް ކުރާނެ އަސަރު؛
  4. އެ މަށްރޫއަށް ދައުލަތުގެ އެއްވެސް މުދަލެއް ދޭނަމަ، އެ މުދަލެއްގެ ތަފުސީލާއި އަގު.

(ށ) މި މާއްދާގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހުއްދަ ދޭއިރު މާލީގޮތުންނާއި އިގްތިސާދީގޮތުން ދައުލަތަށް ކުރާނެ އަސަރާއި، މާލީ ހިރާސްތައް ކުޑަކުރާނެ ގޮތް ހިމަނައި، މިނިސްޓްރީއަށް ހުށަހަޅައި ހުއްދަ ހޯދަން ވާނެއެވެ.

 

18-10 ވަނަ މާއްދާ - އަމިއްލަފަރާތަކުން ހިންގުމަށް ކައުންސިލަށް ހުށަހަޅާ މަށްރޫއު

އަންސޮލިސިޓެޑް ޕްރޮޕޯޒަލްގެ ގޮތުގައި މި ގަވާއިދުގެ 10.28 ގެ ދަށުން ހުށަހަޅާ ޕްރަޕޯޒަލްތަކަށް ނުފެތޭގޮތަށް އަމިއްލަ ފަރާތަކުން ކުރިޔަށް ގެންދިއުމަށް ލޯކަލް ކައުންސިލަކަށް ހުށަހަޅާ ޕްރަޕޯޒަލްތައް ބަލައިގަނެ ކުރިޔަށް ގެންދާނީ މި ބާބުގެ ދަށުން ހަދާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

18-11 ވަނަ މާއްދާ - މަށްރޫއުގެ އެއްބަސްވުން އެކުލަވައިލުން

(ހ) މި ބާބުގެ ދަށުން މަށްރޫއުތައް ކުރިޔަށް ގެންދާނީ، އިންވެސްޓްކުރާ ފަރާތާއެކު އެއްބަސްވުމެއް އެކުލަވައިލުމަށްފަހުގައެވެ. މި އެއްބަސްވުމުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ށަރުތުތައް ހިމަނަންވާނެއެވެ.

  1. އެ މަށްރޫއެއްގެ ބާވަތާއި، ތަފުސީލު؛
  2. އެ މަށްރޫއެއް ހިންގުމަށް އެއްބަސްވެފައިވާ މުއްދަތު؛
  3. އެއްބަސްވެފައިވާ މުއްދަތަށް ނުނިމިއްޖެނަމަ، އަމަލުކުރާނެގޮތް؛
  4. ފައިސާއެއް ނުވަތަ މުދަލެއް ދިނުމަށް އެއްބަސްވާނަމަ، އެ ކަމެއްގެ ތަފުސީލު؛
  5. އެ މަށްރޫއެއް ހިންގަންވީ ގޮތާއި ފެންވަރު؛
  6. މަށްރޫއު މޮނިޓަރކޮށް ރިޕޯޓްކުރާނެ ގޮތް؛
  7. އެއްބަސްވުމުގެ މާއްދާއަކާ ހިލާފުވެއްޖެނަމަ އަމަލުކުރާނެ ގޮތް؛
  8. އެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތް؛
  9. އެކަށީގެންވާ އަވަސްމިނެއްގައި ކުރިޔަށް ނުދާނަމަ، އަޅާނެ ފިޔަވަޅު؛
  10. ވަކި ކަމަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނަމަ، އެ ކަމެއް ބަޔާންކުރުން؛
  11. ސެކިއުރިޓީ ނުވަތަ ގެރެންޓީއެއް ހޯދާނަމަ، އެ ސެކިއުރިޓީ ނުވަތަ ގެރެންޓީގެ ތަފުސީލާއި، އެ ސެކިއުރިޓީ ނުވަތަ ގެރެންޓީ ދޭ ފަރާތާއި، ލިބޭ ފަރާތުގެ ތަފުސީލު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން، އެއްބަސްވުމާ އެއްގޮތަށް އިންވެސްޓްކުރާ ފަރާތުން އަމަލު ނުކުރާ ހާލަތުގައި ނުވަތަ މަށްރޫއު ކުރިޔަށް ނުގެންދާ ހާލަތުގައި އެކަމުގެ ސަބަބުން ސަރުކާރުން ނުވަތަ ކައުންސިލަކުން މުދަލެއް ދީފައިވާނަމަ، އެ މުދަލެއް އަނބުރާ ނެގުން ނުވަތަ އެ މުދަލެއް އަނބުރާ ނެގޭނެ ހާލަތެއް ނެތްނަމަ، އެ މުދަލުގެ އަގު ހޯދޭނެ ގޮތަކާއި މުއްދަތެއް، އެއްބަސްވުމުގައި ބަޔާންކުރަން ވާނެއެވެ.

(ނ) މި ބާބުގެ ދަށުން ސަރުކާރުން ނުވަތަ ކައުންސިލަކުން ދޭ މުދަލަކީ އެހެން ތިންވަނަ ފަރާތަކަށް ދީފައިވާ މުދަލެއް ނޫންކަން ޔަގީން ކުރަން ވާނެއެވެ.

 

18-12 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުން

(ހ) މި ބާބުގެ ދަށުން ހިންގުމަށް ކަނޑައަޅާ މަށްރޫއުތަކުގެ މައުލޫމާތު، އެ މަށްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރާތާ ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ މަށްރޫއެއް ހިންގާ ދައުލަތުގެ އޮފީހަކުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. އަދި މި މައުލޫމާތު ހާމަކުރާއިރު، ތިރީގައިވާ ބައިތައް ހިމަނަންވާނެއެވެ.

  1. މަށްރޫއުގެ ތައާރުފު؛
  2. މަށްރޫއު ކުރިޔަށް ގެންދިއުމަށް ހަވާލުކޮށްފައިވާ ފަރާތް؛
  3. މަށްރޫއު ހިންގުމުން އިގްތިސާދީގޮތުން ނުވަތަ އިޖުތިމާއީގޮތުން ހާސިލުކުރެވޭނެ ދައުލަތުގެ އާންމު މަންފާ؛
  4. މަށްރޫއަށް ދައުލަތުން ދިނުމަށް އެއްބަސްވެފައިވާ މުދަލުގެ މައުލޫމާތާއި އަގު.

(ށ) މި ބާބުގެ ދަށުން ކައުންސިލްތަކުން ހިންގާ މަށްރޫއުތަކުގެ މައުލޫމާތު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމުގެ އިތުރުން، އެ ކައުންސިލެއްގެ އިހްތިސާސްގައި ހިމެނޭ ރައްޔިތުންނަށް އާންމުކޮށް ފެންނާނެ ގޮތަށް ހާމަކުރަންވާނެއެވެ.

 

18-13 ވަނަ މާއްދާ - އުސޫލު ހެދުން

(ހ) މި ބާބުގެ ދަށުން، ކައުންސިލްތައް ފިޔަވައި، ދައުލަތުގެ އޮފީސްތަކުން ކުރިޔަށްގެންދާ މަށްރޫއުތައް ކުރިޔަށް ގެންދިއުމުގެ އުސޫލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނުވަތަ އެ އޮފީހުން ކަނޑައަޅާ ފަރާތަކުން ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ.

(ށ) ލޯކަލް ކައުންސިލްތަކުން ހިންގާ މަށްރޫއުތައް ކުރިޔަށް ގެންދާނެގޮތުގެ އުސޫލު، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފަޔާއެކު މިނިސްޓްރީން އެކުލަވައިލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ.

 

ބާބު 19

އެހެނިހެން

 

19-01 ވަނަ މާއްދާ - މާނަކުރުން

(ހ) މި ގަވާއިދުގައި އިބާރާތެއް ހިމަނައިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާނަޔާ އެއްގޮތްވާ ގޮތުގެ މަތީން ނުވަތަ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

  1. "ހިސާބުތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނު ނުވަތަ މި ގަވާއިދުގެ ދަށުން ބަލަހައްޓަންޖެހޭ ދައުލަތުގެ ފައިސާއާއި އެހެނިހެން ފައިސާ، ނުވަތަ ދައުލަތުގެ މުދަލާއި އެހެނިހެން މުދާ، ނުވަތަ ފައިސާގެ މުއާމަލާތްތައް، ނުވަތަ މުދަލެއްނަމަ ފައިސާއިން ނުވަތަ އެހެން މިންގަނޑަކުން މިންކޮށްފައިވާ ތަކެއްޗާ ބެހޭގޮތުން އެއްކޮށްފައިވާ ނުވަތަ ރިކޯޑުކޮށްގެން، ނުވަތަ ލިޔުމެއްގެ ސިފައިގައި، ނުވަތަ ޗާޕުކޮށްގެން، ނުވަތަ މައިކްރޯފިލްމުގެ ގޮތުގައި، ނުވަތަ އިލެކްޓްރޯނިކްގެ ޒަރީއާއިން ބަލަހައްޓާ ރިކޯޑަށެވެ. މި މާނައިގައި، ފޮތް، ލިޔެކިޔުން، މަނިޓަރީ ފޯމު، ހުލާސާ، ވައުޗަރު، ކޮމްޕިއުޓަރ ޕްރިންޓްއައުޓް، ނުވަތަ މިނޫން އެހެން ގޮތްގޮތުން ހިސާބުކުރުމުގައި ބޭނުންކުރާ އެންމެހައި ލިޔެކިޔުން ހިމެނެއެވެ.
  2. "ހަރަދު" ކަމަށް ބުނެފައި އެވަނީ، އެކި ކަންކަމަށް ކަނޑައެޅި ބަޖެޓުކުރެވިގެން ކުރެވޭ ހޭދައަށާއި، އެ ނޫން ވެސް ފަންޑު އެކައުންޓުތަކުން ކުރެވޭ ހޭދައަށެވެ. ހަރަދުގެ މާނައިގައި އެޑްވާންސްގެ ގޮތުގައި ދޫކުރާ ފައިސާއެއް ނުހިމެނޭނެއެވެ.
  3. "ހާއްސަ އެހީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 10 ވަނަ މާއްދާއާއި، މި ގަވާއިދުގެ 6.28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ އެހީއަށެވެ. 
  4. "ބޭންކް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގައި ދީފައިވާ މާނަކުރުމުގައެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގަބޫލުކުރާ، ރާއްޖެއިން ބޭރުގެ ބޭންކްތަކަށެވެ.
  5. "ބަޖެޓު" ކަމަށް ބުނެފައި އެވަނީ، ދައުލަތަށް ލިބޭނޭކަމަށް އަންދާޒާކުރެވޭ އާމްދަނީއަށް ބަލައިގެން ހަރަދުކުރުމަށް ތައްޔާރުކުރާ ޕްލޭނަށެވެ.
  6. "ބަޖެޓަރީ ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އަހަރީ ބަޖެޓު ހިންގުމަށް ޓަކައި މިނިސްޓްރީން ގެންގުޅޭ ކޮންޓްރޯލްތަކަށެވެ.
  7. "ބަޖެޓު ސަރކިއުލަރ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބަޖެޓު ތައްޔާރުކުރުމާ ގުޅޭގޮތުން މިނިސްޓްރީން އާންމުކުރާ އިރުށާދުތަކަށެވެ.
  8. "ކޮންޓްރެކްޓަރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުމަށާއި، ހޯދާ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި، ތަކެތި ގަތުމަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކުރާ ފަރާތަށެވެ.
  9. "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދާ ސިޓީ ކައުންސިލާއި، އަތޮޅު ކައުންސިލާއި، ރަށު ކައުންސިލަށް ނިސްބަތްކޮށެވެ.
  10. "ކޮންޓިންޖެންޓް ލަޔަބިލިޓީ" ކަމަށް ބުނެފައި އެވަނީ، ޔަގީންކަމާއެކު ބަޔާންކޮށްދޭން ދަތިކަމެއް ކުރިމަގުގައި ހިނގައިފިނަމަ، އެ ކަމެއް ހިނގުމުގެ ސަބަބުން އަދާކުރަންޖެހިދާނެ ދަރަންޏަށް ނުވަތަ ފައިސާއަށެވެ.
  11. "ކްލޯޒް ރިލޭޓިވް" ކަމަށް ބުނެފައި އެވަނީ، އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާއާއި، މައިންބަފައިންނާއި، ދަރިންނާއި، އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، ދޮންދަރީންނާއި، އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، އެ މީހާގެ މައިންބަފައިންނަށެވެ.
  12. "ކްލޯޒް އެސޯސިއޭޓް" ކަމަށް ބުނެފައި އެވަނީ، އެ މުވައްޒަފަކާ ވިޔަފާރީގެ ހިއްސާ ނުވަތަ ވިޔަފާރީގެ ގުޅުން އޮންނަ ފަރާތްތަކަށެވެ.
  13. "ކޮސްޓް ސެންޓަރ" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ހިސާބު ބެލެހެއްޓުމުގައި އެ ތަނަކަށް ހިނގާ ހަރަދުތަކުގެ ހިސާބުތައް ވަކިން ބަލަހައްޓަންޖެހޭކަމަށް ބަލައި، އެ ތަނެއްގެ މަސައްކަތްތައް ބައިކުރުމަށް ބޭނުންވާ ހާލަތްތަކުގައި ބައިކުރެވޭ އެންމެ ދަށް ފަންތިއަށެވެ.
  14. "ކެޕިޓަލް ހަރަދު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބޭނުންތަކަށް ޓަކައި އޭގެ ޒާތުގައި ކެޕިޓަލް ހަރަދުތައް ހިމެނޭ މަސައްކަތްތަކާއި މަށްރޫއުތަކަށެވެ. އެ މަސައްކަތުގައި މާއްދީގޮތުން މުދަލެއް ހިމެނިގެންވުން ލާޒިމެއް ނޫނެވެ.
  15. "އުޖޫރަ" ކަމަށް ބުނެފައި އެވަނީ، މުވައްޒަފުގެ ވަޒީފާއާ ގުޅޭގޮތުން، ފައިސާއިން، ނުވަތަ އަގުހުރި އެހެންވެސް އެއްޗަކުން، ވަޒީފާދޭ ފަރާތުން އެ މުވައްޒަފަކަށް ދޭ މުސާރައާއި، އިތުރު މަންފާތަކާއި، އެލަވަންސްތަކާއި ވަޒީފާއާ ގުޅިގެން އެ މުވައްޒަފަކަށް ދޭ އެހެނިހެން މާލީ ފައިދާތަކަށެވެ.
  16. "އިނާޔަތް" ކަމަށް ބުނެފައި އެވަނީ، އަދާކުރާ ވަޒީފާއާ ގުޅޭގޮތުން ދެވޭ މުސާރައިގެ އިތުރަށް ދެވޭ މަންފާއެއްގެ ގޮތުގައި ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި ދެވޭ ފައިސާއަށާއި، ވަޒީފާއިން ވަކިވުމުން ދޭން ކަނޑައަޅާ އިނާޔަތަށް ނުވަތަ ފައިސާގެ އަގުން އަގުކުރެވޭގޮތަށް ދެވޭ ފަސޭހަތަކަށެވެ.
  17. "އިންޑެމްނިޓީ" ކަމަށް ބުނެފައި އެވަނީ، ގެއްލުމުގެ ބަދަލު ދިނުމަށް ނުވަތަ ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ސަބަބުން ދެފަރާތުންކުރެ ފަރާތަކަށް ލިބިދާނެ ގެއްލުމަކަށް ބަދަލު ދިނުމަށް އެއްބަސްވެ، އެއް ފަރާތުން އަނެއް ފަރާތަށް ދީފައިވާ ގެރެންޓީއަކަށް ނުވަތަ ޔަގީންކަމަކަށެވެ.
  18. "އެކައުންޓިންގ އޮފިސަރު" އާއި، "ރިސީވަރުން" އާއި، "ކަލެކްޓަރުން" އާއި، "ފައިސާއާބެހޭ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، އެ ފަރާތެއްގެ މައިގަނޑު މަސްއޫލިއްޔަތާއި ޒިންމާގެ ގޮތުގައި ދައުލަތުގެ މުދަލާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގެ ކޮންމެ މަސައްކަތެއް ކުރާ ފަރާތަކަށް ނުވަތަ ފަރާތްތަކަށެވެ.
  19. "އަންޑަރޓޭކިންގ" ކަމަށް ބުނެފައި އެވަނީ، އެއް ފަރާތަކުން އަނެއް ފަރާތަކަށް ފައިސާގެ ޒިންމާ އުފުލާނެކަމަށް ބުނެ އެއްބަސްވާ އެއްބަސްވުމަށެވެ.
  20. "އައްޔަނުކުރުން" ކަމަށް ބުނެފައި އެވަނީ، ވަކި ޒިންމާއެއް އަދާކުރުމަށް ނުވަތަ ވަކި ކަމަކަށް ނުވަތަ ވަކި ކަމެއް ކުރުމަށް ވަކި ނަމެއްގައި ނުވަތަ ވަކި މަގާމަކަށް މީހަކު ހޮވުމަށް ނުވަތަ ކަނޑައެޅުމަށެވެ.
  21. "އަންދާޒާ ބަޖެޓު" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ ހުރިހާ އޮފީސްތަކުން ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހަޅާ، އަންދާޒާ ބަޖެޓަށެވެ.
  22. "އޮފިސަރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި މުވައްޒަފެއްކަމަށް މާނަކޮށްފައިވާ ކޮންމެ މީހަކަށެވެ.
  23. "އޮތޮރައިޒިންގ އޮފިސަރުން" ކަމަށް ބުނެފައި އެވަނީ، ފައިސާ ހަރަދުކުރުމަށް ހުއްދަދިނުމަށް ލިޔުންތަކުގައި ސޮއިކުރާ ފަރާތަށް ނުވަތަ ފަރާތްތަކަށެވެ.
  24. "އެސެޓްސް" ކަމަށް ބުނެފައި އެވަނީ، ދަރަނި އަދާކުރުމަށް ޓަކައި ބޭނުންކުރެވިދާނެ، އަދި މާލީގޮތުން އަގުކުރެވޭގޮތަށް ދައުލަތުގެ މިލްކުގައިވާ ތަކެއްޗަށާއި، ވިޔަފާރިއަށާއި، މުދަލަށެވެ.
  25. "ވަޔަރމަންޓް" ކަމަށް ބުނެފައި އެވަނީ، ބަޖެޓުގެ އެއް އައިޓަމަކަށް ގެނެވޭ އުނިކުރުމަކާއެކު، ބަޖެޓުގެ އެހެން އައިޓަމަކަށް ގެނެވޭ އިތުރުކުރުމަކަށެވެ.
  26. "މުސާރަ" ކަމަށް ބުނެފައި އެވަނީ، އިނާޔަތް ނުހިމެނޭގޮތުން ވަޒީފާ އަދާކުރާ ފަރާތަށް ދެވޭ، ދުރާލާ ކަނޑައެޅިފައިއޮތް، އަދި ކަނޑައެޅިފައިވާ ވަކި އުސޫލަކުން ދެވޭ، ވަޒީފާގެ ނުވަތަ މަސައްކަތުގެ އުޖޫރައަށެވެ. 
  27. "މާލިއްޔަތާ ގުޅޭ ސަރކިއުލަރ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ސިޔާސަތެއް ތަންފީޒުކުރުމަށް ނުވަތަ ދައުލަތުގެ މާލިއްޔަތާ ގުޅޭ ކަމެއް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން އަދި އެ ގަވާއިދާ ފުށުއެރުމެއް ނުވާގޮތަށް ތަންފީޒު ކުރުމަށް ޓަކައި އެކަށައަޅަންޖެހޭ ތަފުސީލީ އިޖުރާއަތެއް ކަނޑައެޅުމުގެ ގޮތުން މިނިސްޓަރު ލިޔުމުން ނެރޭ އެކިއެކި އެންގުންތަކަށެވެ.
  28. "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
  29. "މުވައްޒަފެއް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި، މަސްއޫލު އޮފީސްތަކުގެ ދަށުން ހިނގަމުންދާ ތަންތަނާއި، ދައުލަތުގެ އޮފީސްތަކުން މުސާރައެއް ނުވަތަ އުޖޫރައެއް ދޭގޮތަށް ވަޒީފާ ދީފައިވާ ކޮންމެ މީހަކަށެވެ. 
  30. "މާލީއަހަރު" ކަމަށް ބުނެފައި އެވަނީ، ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހިނގާ މުއްދަތަށެވެ. މި މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި، ނިމޭ ދުވަސް ހިމެނެއެވެ.
  31. "މާލީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގައި މާލީ އިދާރާއަށް ދީފައިވާ މާނަކުރުމަށެވެ.
  32. "މާލިއްޔަތު ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށެވެ.
  33. "މާލީ ޒިންމާދާރު ވެރިޔާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތު ގާނޫނު) ގެ 46 ވަނަ މާއްދާގެ (ހ) ގެ ދަށުން ސަރުކާރުގެ މަސްއޫލު އޮފީސްތަކުގައި އެ ގާނޫނުގައިވާ ކަންކަން ހިންގުމަށް ޓަކައި މިނިސްޓަރު ކަނޑައަޅާ މުވައްޒަފަކަށެވެ. އަދި ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ އެހެނިހެން އޮފީސްތަކުގެ މާލީ އުސޫލުތައް ހިންގުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދައުލަތުގެ އޮފީހަކުން ކަނޑައަޅާ މުވައްޒަފަކަށެވެ.
  34. "އެކައުންޓަންޓް ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތު ގާނޫނު) ގެ 44 ވަނަ މާއްދާގެ ދަށުން އައްޔަނުކުރާ މީހަކަށެވެ.
  35. "ދައުލަތުގެ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ގާނޫނަކުން ބާރު ލިބިގެން ޓެކުހުގެ ގޮތުގައި ނުވަތަ އެ ނޫން ވެސް ގޮތަކަށް ނެގޭ ފައިސާއާއި، ގާނޫނަކުން ބާރުލިބިގެން ހަދާ ގަވާއިދަކުން ދައުލަތުން ކުރާ ވިޔަފާރީގެ ފައިދާއާއި ދެވޭ ހިދުމަތެއްގެ އަގަށް ލިބޭ ފައިސާއާއި، ދައުލަތުގެ މިލްކުގައިވާ އިމާރާތްތަކާއި ބިންބިމާއި ތަކެތީގެ ކުލީގެ ގޮތުގައި ލިބޭ ފައިސާއާއި، ދައުލަތުގެ ބިން ނުވަތަ ތަކެތި ވިއްކައިގެން ލިބޭ ފައިސާއާއި، ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާއަށެވެ.
  36. "ދައުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ގާނޫނު އަސާސީއާއި ގާނޫނުގެ ދަށުން އުފެދޭ އެންމެހައި މުއައްސަސާތަކާއި، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށެވެ.
  37. "ދައުލަތުގެ ފައިސާ" ނުވަތަ "ފައިސާ" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި އެއްވެސް ފަރާތަކުން ދައުލަތުގެ ބޭނުމަށް ނުވަތަ ދައުލަތުގެ ނަމުގައި ޓެކްސް، ޗާޖް، ފީ، ޑިއުޓީ، ޖޫރިމަނާ، ނުވަތަ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ނުވަތަ ބަހައްޓައިފައިވާ ފައިސާއަށާއި، ފައިސާގެ ގޮތުގައި ބަދަލުކުރެވޭ ލިޔުމަށާއި، ސެކިއުރިޓީޒަށާއި، އެހެން ފަރާތަކަށް ނުވަތަ އެހެން ފަރާތެއްގެ ނަމުގައި ދައުލަތުގައި ބަހައްޓައިފައިވާ ފައިސާއަށާއި، ލޯނުގެ ފައިސާއަށާއި، ވަކި ފަރާތަކުން ދީފައިވާ ފައިސާއަށާއި، ހަދިޔާއަށާއި، ލިބޭ ނުވަތަ ލިބެންވާ އިންޓަރެސްޓުގެ ފައިސާއަށެވެ.
  38. "ދައުލަތުގެ ވިޔަފާރި ތަންތަން" ކަމަށް ބުނެފައި އެވަނީ، ކުންފުންޏެއް ކަމަށް ވިޔަސް، ބޯޑެއް ކަމަށް ވިޔަސް، ކޮމިށަނެއް ކަމަށް ވިޔަސް، ޖަމާއަތެއް ކަމަށް ވިޔަސް، ސަރުކާރުގެ ސީދާ ނުވަތަ ނުސީދާ ހިއްސާގެ މިލްކުވެރިކަން އޮތް މަސްލަހަތުގެ މިލްކުވެރިކަން އޮތް ތަންތަނަށެވެ. އޭގެ ތެރޭގައި، ޕާޓްނަރށިޕްތަކާއި، ޖޮއިންޓް ވެންޗަރތަކާއި، އެއްވެސް ބާވަތެއްގެ ވިޔަފާރި އިންތިޒާމެއް ހިމެނޭކަމަށް ވާނަމަ، އެ އިންތިޒާމެއް ހިމެނޭނެއެވެ. 
  39. "ދައުލަތުގެ މަސްއޫލު އޮފީސްތައް" ކަމަށް ބުނެފައި އެވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީތަކާއި، ލޯކަލް ކައުންސިލްތަކާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، މާލީ ހިންގުމާއި މާލީ ޒިންމާ އުފުލުން ވަކިން އޮންނަގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އޮފީސްތަކަށެވެ.
  40. "ލަޔަބިލިޓީޒް" ކަމަށް ބުނެފައި އެވަނީ، ވިޔަފާރިއެއްގެ މިލްކުވެރިންނަށް ނުވަތަ އެ ވިޔަފާރިއަށް ދަރަނި ދޫކޮށްފައިވާ ފަރާތްތަކަށް އެ ވިޔަފާރިއަކުން ދަރައިފައިވާ ދަރަންޏަށް ނުވަތަ އަދާކުރަންޖެހޭ ފައިސާއަށެވެ.
  41. "ގެރެންޓީ" ކަމަށް ބުނެފައި އެވަނީ، އެއްބަސްވުމެއްގައި ނުވަތަ މުއާމަލާތެއްގައި ހިމެނޭ ފަރާތަކުން އެ އެއްބަސްވުމުގެ ނުވަތަ މުއާމަލާތުގެ ށަރުތަކާ ހިލާފުވުމުގެ ސަބަބުން ނުވަތަ އެ އެއްބަސްވުން ނުވަތަ މުއާމަލާތެއް ހިންގުމުގައި ށަރުތުކުރާ ކަންކަމުގެ ތެރެއިން ކަމެއް ނުކުރުމުގެ ސަބަބުން، އުފެދޭ ނަތީޖާއާމެދު އެ އެއްބަސްވުމުގައި ނުވަތަ މުއާމަލާތުގައި ބައިވެރިނުވާ ތިންވަނަ ފަރާތަކުން ޒިންމާ އުފުލާނެކަން ކަށަވަރުކޮށްދިނުމަށެވެ.
  42. "ގަވާއިދު" ކަމަށް ބުނެފައި އެވަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ގެ މާނައިގައެވެ.
  43. "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އަށާއި، އެ ގާނޫނަށް ގެންނަ އެންމެހައި އިސްލާހުތަކަށެވެ.
  44. "ސޮވްރިން ގެރެންޓީ" ކަމަށް ބުނެފައި އެވަނީ، އެއްބަސްވުމެއްގައި ނުވަތަ މުއާމަލާތެއްގައި ހިމެނޭ ފަރާތަކުން އެ އެއްބަސްވުމުގެ ނުވަތަ މުއާމަލާތް ށަރުތަކާ ހިލާފުވުމުގެ ސަބަބުން، ނުވަތަ އެ އެއްބަސްވުން ނުވަތަ މުއާމަލާތެއް ހިންގުމުގައި ށަރުތުކުރާ ކަންކަމުގެ ތެރެއިން ކަމެއް ނުކުރުމުގެ ސަބަބުން އުފެދޭ ނަތީޖާއާމެދު ދައުލަތުން ޒިންމާ އުފުލާނެކަން ކަށަވަރުކޮށްދިނުމަށް ޓަކައި، ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގެ ދަށުން ދޫކުރާ ލިޔުމަށެވެ.
  45. "ސެންޓްރަލް ޕޭމަންޓް ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ދައުލަތުގެ އޮފީސްތަކުގެ ޕޭމަންޓްތައް މަރުކަޒީކޮށް މެނޭޖްކުރުމަށް ގާއިމުކޮށްފައިވާ ނިޒާމަށެވެ.
  46. "ސެކިއުރިޓީޒް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުން ނުވަތަ ދައުލަތުގެ ވިޔަފާރި ތަންތަނުގެ ޒިންމާގެ ގާނޫނުގައި މާނަކޮށްފައިވާ ދައުލަތުގެ ވިޔަފާރި ތަނަކުން، ނުވަތަ ބޭރުގެ ސަރުކާރަކުން ނުވަތަ އެހެން ފަރާތަކުން ދޫކުރާ ސްޓޮކް، ބޮންޑް، ބިލު، ނޯޓު، ނުވަތަ ޑިބެންޗަރ، އަދި ބޭންކްތަކުން ގަބޫލުކުރާ ނުވަތަ އެންޑޯސްކޮށްފައިވާ ބިލްސް އޮފް އެކްސްޗޭންޖް، އަދި ބޭންކަކުން ދޫކުރާ ނެގޯށިއަބަލް، ކޮންވަރޓިބަލް ނުވަތަ ޓްރާންސްފަރަބަލް ސެޓްފިކެޓްސް އޮފް ޑިޕޮޒިޓްތަކަށެވެ.
  47. "ސެކިއުރިޓީ ޑޮކިއުމަންޓްސް" ކަމަށް ބުނެފައި އެވަނީ، ދައުލަތަށް ފައިސާ ލިބިގަތުމާއި ފައިސާ ހަރަދުކުރުމާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ފައިސާގެ ރަސީދު ފޮތްތަކާއި، ޑެބިޓް ނޯޓާއި، ޕަރޗޭސް އޯޑަރާއި، ރިކުއިޒިށަންތަކާއި، ކުރިޔަށް ނަންބަރު ޖަހައިގެން (ސީރިއަލް ނަންބަރު) ވިއްކާ ލިޔެކިޔުންތަކާއި، ނުވިއްކާ ލިޔެކިޔުންތަކަށެވެ. 
  48. "ސަޕްލިމެންޓްރީ ބަޖެޓު" ކަމަށް ބުނެފައި އެވަނީ، މާލީ އަހަރެއްގެ ބަޖެޓު ފާސްކުރުމަށްފަހު، އެ ބަޖެޓުގެ ބައެއްގެ ގޮތުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އަދަދަށެވެ.
  49. "ށާއިއުކުރުން" ކަމަށް ބުނެފައި އެވަނީ، ޗާޕުކޮށްގެން ނުވަތަ އާންމުކުރުމަށް ކަނޑައަޅައިފައިވާ ތަނެއްގައި ބަހައްޓައިގެން ނުވަތަ ވެބްސައިޓެއްގައި އާންމުކޮށްގެން ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން އާންމުކުރެވޭ ކުރުމަށެވެ.
  50. "ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ދަށުން ހިސާބު ބަލަހައްޓާ ކޮސްޓް ސެންޓަރުތަކުގެ ހިސާބުތައް ޖުމުލަކުރެވޭ ފަންތިއަށެވެ. މި މާނައިގައި "ޑިޕާޓްމަންޓް" ބޭނުންކޮށްފައިވަނީ، ހިސާބު ބެލެހެއްޓުމުގެ ނިޒާމުގެ ތެރޭގައި މި ލަފުޒު ބޭނުންކުރެވޭ މަރުހަލާތަކުގައި އެކަންޏެވެ.
  51. "ޒިންމާދާރު ޕްރޮކިއުމަންޓް އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީހެއްގެ ޕްރޮކިއަމެންޓް ކަންތަކާ ހަވާލުވެހުރި އެންމެ އިސް މުވައްޒަފަށެވެ.
  52. "ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރު" ކަމަށް ބުނެފައި އެވަނީ، މާލީ ޒިންމާދާރު ވެރިޔާ ކަނޑައަޅާ ގޮތެއްގެ މަތީން ޑިޕާޓްމަންޓުތަކުގެ ހިސާބު ބެލެހެއްޓުމުގެ މަސައްކަތްކުރާ ނުވަތަ ކުރުވާ ފަރާތަށެވެ.
  53. "ޕްރޮކިއުމަންޓް އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކުގައި ޕްރޮކިއުމަންޓުގެ ކަންތައްތައް ރާވައި ހިންގުމުގައި ހަރަކާތްތެރިވާ އިސްމުވައްޒަފަށެވެ.
  54. "ދިވެހިރާއްޖޭގެ ފަރާތެއް ނުވަތަ ފަރާތްތަކަށް" ކަމަށް ބުނެފައި އެވަނީ، ދިވެހި ރައްޔިތަކަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، ކުންފުންޏެއްގެ ނުވަތަ ޕާޓްނަރށިޕެއްގެ މެޖޯރިޓީ ހިއްސާ ދިވެހި ރައްޔިތަކަށް ނުވަތަ ރައްޔިތުންނަށް ނިސްބަތްވާ ކުންފުނިތަކަށް ނުވަތަ ޕާރޓްނަށިޕްތަކަށެވެ.
  55. "އަސާސީ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދެވަނަ ބާބުގެ ދަށުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ދައުލަތުގެ ފަރާތުން ފޯރުވައިދިނުމަށް ޓަކައި ދޭންޖެހޭ ހިދުމަތަށެވެ. 
  56. "ސްޓޭންޑްސްޓިލް މުއްދަތު" ކަމުގައި ބަޔާންކޮށްފައި އެވަނީ، ކޮންޓްރެކްޓެއް ހަވާލުކުރުމުގެ ކުރިން ބީލަމުގައި ބައިވެރިވި ބީލަންވެރިންނަށް ށަކުވާ ހުށަހެޅުމަށް ދެވޭ މުއްދަތަށެވެ.

(ށ) މި ގަވާއިދުގައި ހިމަނައިފައިވާ "ދައުލަތުގެ މުދާ" ނުވަތަ "ދައުލަތުގެ ފައިސާ" އަދި "ދައުލަތުގެ އޮފީސް"، މިއިން ކޮންމެ އިބާރާތެއް މާނަކުރުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، އެ އޮތޯރިޓީގެ މުދާ ނުވަތަ ފައިސާ އިސްތިސްނާވާނެއެވެ. އަދި އެ އޮތޯރިޓީގެ ބެލުމުގެ ދަށުގައިވާ މުދަލާއި ފައިސާއާމެދު އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީންނެވެ.

(ނ) މި ގަވާއިދުގައި ހިމަނައިފައިވާ "ދައުލަތުގެ މުދާ" ނުވަތަ "ދައުލަތުގެ ފައިސާ" އަދި "ދައުލަތުގެ އޮފީސް"، މިއިން ކޮންމެ އިބާރާތެއް މާނަކުރުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްތިސްނާވާނެއެވެ.

(ރ) މި ގަވާއިދުގައި މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް އެ ލަފުޒުތަކުގެ ޖަމްއު މާނައިގައްޔާއި، ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް އެ ލަފުޒުތަކުގެ މުފުރަދު މާނައިގައި ބޭނުންކުރެވޭނެއެވެ. އަދި މި ގަވާއިދުގައި މާނަކޮށްދީފައިވާ ލަފުޒެއް ބަހުގެ ހަމަތަކަށާއި ވާހަކަދައްކާ އުސޫލުތަކަށް ބަދަލުވަމުންދާ ހާލަތްތަކުގައި، ލަފުޒު ބަދަލުވަމުންދާ ގޮތުގައި ވެސް އެ މާނަ ދޭހަކުރެވިދާނެއެވެ.

 

19-02 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހު

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 20 ފެބުރުވަރީ 2017 ގައި އަމަލުކުރަން ފެށި ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި، އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތައް އުވުނީއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 20 ފެބުރުވަރީ 2017 ގައި އަމަލުކުރަން ފެށި ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި، އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކުގެ ދަށުން ނެރެފައިވާ އުސޫލުތަކާއި ސަރކިއުލަރތަކުގެ ތެރެއިން މި ގަވާއިދާ ތައާރުޒުނުވާ އެންމެހައި އުސޫލުތަކާއި ސަރކިއުލަރތައް ދެމިއޮންނާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 20 ފެބުރުވަރީ 2017 ގައި އަމަލުކުރަން ފެށި ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި، އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކުގެ ދަށުން މި ގަވާއިދާ ތައާރުޒުނުވާ ގޮތަށް އުފައްދައިފައިވާ ބޯޑުތަކާއި ކޮމިޓީތައް ދެމިއޮންނާނެއެވެ.

(ބ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 20 ފެބުރުވަރީ 2017 ގައި އަމަލުކުރަން ފެށި ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި، އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކުގެ ދަށުން ނެރެފައިވާ އުސޫލުތަކާއި ސަރކިއުލަރތަކުގެ ތެރެއިން މި ގަވާއިދާ ތައާރުޒުނުވާ އެންމެހައި އުސޫލުތަކާއި ސަރކިއުލަރތައް ދެމިއޮންނާނެއެވެ.

 

ޖަދުވަލު 1

 

1 ވަނަ މާއްދާ -

މި ގަވާއިދުގެ 10.22 ޕްރޮކިޔުމަންޓުތައް ފިޔަވައ،ި ޕްރޮކިއުމަންޓުގެ ވަނަ މާއްދާގެ )ނ( ގެ ދަށުން ކުރިޔަށްގެންދާ  ފައިވާ ގޮތާއިކޮށްހުއްދަދިނުމަށް ދަރަޖަ ކަންތައްތައް ކުރުމުގައި ، ހުއްދަދެވޭނެ އަގާއި ، ހުއްދަދޭނެ ފަރާތް ، ތިރީގައިވާ ތާވަލުގައި މިވަނީއެވެ.

 

ދަރަޖަ

 ޕްރޮކިޔުމަންޓުގެ ޖުމުލަ އަގު (ދިވެހި ރުފިޔާއިން)

ހުއްދަ ދޭ ފަރާތް

1

2،000 (ދެހާސް) ރުފިޔާއާ ހަމައަށް ޒިންމާދާރު ޕްރޮކިއުމަންޓް އޮފިސަރު ނުވަތަ ލިޔުމަކުން ހުއްދަދީފައިވާ އޭނާގެ ދަށުގައިވާ މުވައްޒަފަކު
2 2،000 (ދެހާސް) ރުފިޔާއާއިން ފެށިގެން 35،000 (ތިރީސް ފަސްހާސް) ރުފިޔާއާ ހަމަޔަށް ވެރިޔާ ލީ ޒިންމާދާރު މާ ނުވަތަ އެ ޒިންމާ 
އަދާކުރުމަށް ލިޔުމަކުން އޭނާ ހުއްދަދީފައިވާ 
 ފަރާތެއް
3  35،000 (ތިރީސް ފަސްހާސް) ރުފިޔާއިން ފެށިގެން 5،000،000 (ފަސް މިލިއަން) ރުފިޔާއާ ހަމަޔަށް ބިޑް ކޮމިޓީ
4 5،000،000 (ފަސް މިލިއަން) ރުފިޔާއިން މަތި ނޭށަނަލް ޓެންޑަރ ބޯޑު

 

2 ވަނަ މާއްދާ -

މި ގަވާއިދުގެ 10.19 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް، އެކި ފަރާތްތަކުން ކޯޓޭށަން ހޯދައިގެން ތަކެތި ގަނެވޭނީ ނުވަތަ ހިދުމަތެއް ހޯދޭނީ، މަތީގައިވާ ތާވަލުގެ ތެރެއިން ދަރަޖަ 1 އާއި ދަރަޖަ 2 އަށް ފެތޭ ޕްރޮކިޔުމަންޓްތަކުގައެވެ. 

 

3 ވަނަ މާއްދާ

މި ގަވާއިދުގެ 10.19 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އާންމުކޮށް ށާއިއުކުރަނީ، މަތީގައިވާ ތާވަލުގެ ދަރަޖަ 3 އާއި ދަރަޖަ 4 އަށް ފެތޭ ޕްރޮކިޔުމަންޓްތަކެވެ. 

 

4 ވަނަ މާއްދާ

މި ގަވާއިދުގެ 10.17 ވަނަ މާއްދާގެ (ށ) އާއި، 10.18 ވަނަ މާއްދާގެ (ރ) އާއި، 10.26 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ހަމައެކަނި ދިވެހިރާއްޖޭގެ ފަރާތްތަކަށް ބީލަމުގައި ބައިވެރިވެވޭގޮތަށް ފުރުސަތު ހަނިކުރެވޭނީ، އެ ޕްރޮކިއުމަންޓަކަށް ލަފާކޮށްފައިވާ ޖުމުލަ 2،500،000 (ދެމިލިޔަން ފަސްލައްކަ) ދިވެހި ރުފިޔާއަށްވުރެ ބޮޑުނޫންނަމައެވެ. 

 

5 ވަނަ މާއްދާ -

މި ގަވާއިދުގެ 10.33 ވަނަ މާއްދާގެ (ބ) ގެ (1) ވަނ ަނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް، އެ ޕްރޮކިޔުމަންޓަކަށް ލަފާކޮށްފައިވާ އަގު 5،000،000 (ފަސްމިލިޔަން) ދިވެހި ރުފިޔާއަށްވުރެ ބޮޑުނޫންނަމަ، ޓެންޑަރަށް ހުޅުވައިލުމުގެ ދައުވަތު ބައިނަލްއަގުވާމީ ފެންވަރުގެ މީޑިޔާއެއްގައި ނުވަތަ ވެބްސައިޓެއްގައި ށާއިއުކުރެވިދާނެއެވެ. 

 

6 ވަނަ މާއްދާ

ތިރީގައި ބަޔާންކޮށްފައި މިވަނީ، މި ގަވާއިދުގެ 10 ވަނަ ބާބުގެ ވަކިވަކި މާއްދާތަކަށް އަމަލުކުރަން ލާޒިމްވާ މިންބަނޑުތައް އަންގައިދޭ ތާވަލެކެވެ. 

 

ނަންބަރު

މާއްދާ

ޕްރޮކިޔުމަންޓުގެ ޖުމްލަ އަގު (ދިވެހި ރުފިޔާއިން)

1

10.38 (އ)(4) (ބިޑް ސެކިއުރިޓީއާއި ޕަރފޯމަންސް ގެރެންޓީ)

500،000 (ފަސްލައްކަ) ރުފިޔާއިން ފެށިގެން މަތި
2

10.61 (އެޑްވާންސް ފައިސާ ދިނުން)

250،000 (ދެލައްކަ ފަންސާސް ހާސް) ރުފިޔާއިން ފެށިގެން މަތި
3

10.62 (ރިޓެންށަން ފައިސާ އަގުން އުނިކުރުމާއި، އެ ފައިސާ އަނބުރާ ދޫކުރުން)

500،000 (ފަސްލައްކަ) ރުފިޔާއިން ފެށިގެން މަތި
3.1 10.62 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ 2.2 5،000،000 (ފަސް މިލިޔަން) ރުފިޔާއަށްވުރެ ދަށް
3.2 10.62 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ 2.2 5،000،000 (ފަސް މިލިޔަން) ރުފިޔާއިން ފެށިގެން މަތި
4 10.63 (ނިމޭ

މަސައްކަތަށް އަގު ދިނުން)

5،000،000 (ފަސް މިލިޔަން) ރުފިޔާއިން ފެށިގެން މަތި
4.1 10.63 ވަނަ މާއްދާގެ (ހ) 5،000،000 (ފަސް މިލިޔަން) ރުފިޔާއިން ފެށިގެން ދަށް
4.2 10.63 ވަނަ މާއްދާގެ (ށ) 5،000،000 (ފަސް މިލިޔަން) ރުފިޔާއިން މަތި
5

10.65 (ލިކުއިޑޭޓަށް ޑެމޭޖަސް)

 
5.1 10.65 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު 5،000،000 (ފަސް މިލިޔަން) ރުފިޔާއިން ދަށް
5.2 10.65 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު 5،000،000 (ފަސް މިލިޔަން) ރުފިޔާއިން މަތި

 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2023-158)

 

މި ގަވާއިދުގެ ދަށުން ހެދިފައިވާ ގަވާއިދާއި އުސޫލު

  1. ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުއާމަލާތެއް ހިންގުމާބެހޭ އުސޫލު (އުސޫލު ނަންބަރު 2024-12)
  2. ނޭށަނަލް ޓެންޑަރ ބޯޑުގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 2023-187)

 

އުވުނު ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2017-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު