-

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-158) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-192)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 ޑިސެމްބަރު 2023 ގައި)

 

ގަވާއިދު ނަންބަރު 2023-158 (މާލިއްޔަތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.22 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އިސްލާހުކުރުން.

ޑައިރެކްޓް އެވޯޑު އުސޫލުން މަސައްކަތްތައް ހަވާލުކުރުމާއި، ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލް ހުށަހެޅުން 10.22.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޑައިރެކްޓް އެވޯޑު އުސޫލުން މަސައްކަތްތައް ހަވާލުކުރުމާއި، ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލް ހުށަހެޅުން 10.22.

(ހ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ފަރާތުން ޑައިރެކްޓް އެވޯޑު އުސޫލުން މަސައްކަތެއް ހަވާލުކުރެވޭނީ، ތިރީގައިވާ އުސޫލުންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޑައިރެކްޓް އެވޯޑު އުސޫލުން މަސައްކަތްތައް ހަވާލުކުރުމާއި، ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލް ހުށަހެޅުން 10.22.

(ހ) (6) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި، މަސައްކަތް ހަވާލުކުރާނޭ ފަރާތެއް ކަނޑައަޅަންވާނީ، މަސައްކަތުގެ ބާވަތާއި، މަސައްކަތުގެ އަގާއި، މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭގޮތަށް އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ، މި މާއްދާގެ ދަށުން އެ ފަރާތަކަށް މަސައްކަތް ހަވާލުކުރަން ނިންމި ސަބަބު ބަޔާންކޮށް، މިނިސްޓަރަށް އެ މައުލޫމާތު ހުށަހަޅައި،  މިނިސްޓަރުގެ ލަފާގެ މަތީން، މި ގަވާއިދުގެ 10.05 ވަނަ މާއްދާގެ ދަށުން ހުއްދަ ހޯދައިގެންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޑައިރެކްޓް އެވޯޑު އުސޫލުން މަސައްކަތްތައް ހަވާލުކުރުމާއި، ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލް ހުށަހެޅުން 10.22.

(ނ) ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލެއް ސަރުކާރަށް ހުށަހެޅޭ ހާލަތުގައި، އެ ހުށަހެޅުމަކާމެދު ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން އެ މަށްރޫއެއް ކުރިޔަށް ގެންދިއުމަށް ނިންމިދާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޑައިރެކްޓް އެވޯޑު އުސޫލުން މަސައްކަތްތައް ހަވާލުކުރުމާއި، ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލް ހުށަހެޅުން 10.22.

(ބ) މި މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހެޅޭ ޕްރޮޕޯޒަލްތައް ބަލައިގަތުމާއި، އެފަދަ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18.02 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މި ބާބުގެ ދަށުން ކުރިޔަށް ގެންދެވޭނެ މަށްރޫއުތައް 18.02.

(ނ) މި ގަވާއިދުގެ 10.22 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލެއް ކަމަށް ނުބެލެވޭގޮތަށް އަމިއްލަ ފަރާތަކުން އިންވެސްޓްކޮށްގެން ކުރިޔަށް ގެންދިއުމަށް ހުށަހަޅާ މަށްރޫއުތައް.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18.04 އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކައުންސިލްތައް ފިޔަވައި ދައުލަތުގެ އޮފީހަކަށް އަމިއްލަ ފަރާތަކުން ހުށަހަޅާ ޕްރަޕޯޒަލް 18.04.

ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލުގެ ގޮތުގައި މި ގަވާއިދުގެ 10.22 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޕްރަޕޯޒަލްތަކަށް ނުފެތޭގޮތަށް އަމިއްލަ ފަރާތަކުން ކުރިޔަށް ގެންދިއުމަށް ކައުންސިލްތައް ފިޔަވައި، ދައުލަތުގެ އޮފީހަކަށް ހުށަހަޅާ ޕްރަޕޯޒަލްތައް ބަލައިގަނެ ކުރިޔަށް ގެންދާނީ، މި ބާބުގެ ދަށުން ހަދާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. 

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18.10 އަންނަނިވި ގޮތަށް އިސްލާހުކުރުން.

އަމިއްލަ ފަރާތަކުން ހިންގުމަށް ކައުންސިލަށް ހުށަހަޅާ މަށްރޫއު 18.10.

ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލުގެ ގޮތުގައި މި ގަވާއިދުގެ 10.28 ގެ ދަށުން ހުށަހަޅާ ޕްރަޕޯޒަލްތަކަށް ނުފެތޭގޮތަށް އަމިއްލަ ފަރާތަކުން ކުރިޔަށް ގެންދިއުމަށް ލޯކަލް ކައުންސިލަކަށް ހުށަހަޅާ ޕްރަޕޯޒަލްތައް ބަލައިގަނެ ކުރިޔަށް ގެންދާނީ، މި ބާބުގެ ދަށުން ހަދާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19.01 ވަނަ މާއްދާއަށް (57) ވަނަ ނަންބަރު އިތުރުކުރުން.

މާނަކުރުން 19.01

57. "ޕްރައިވެޓް ސެކްޓަރ އިނިށިއޭޓަޑް ޕްރޮޕޯޒަލް" ކަމަށް ބުނެފައި އެވަނީ، ޕްރައިވެޓް ސެކްޓަރގެ އިސްނެގުމަށް ދައުލަތަށް ހުށަހެޅޭ ޕްރޮޕޯޒަލް އަށެވެ.

 

10 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 

ޖަދުވަލު 2

ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލް ހުށަހެޅުމާއި، އެފަދަ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެގޮތުގެ އުސޫލު

 

1 ވަނަ މާއްދާ - ތައާރުފު

މިއީ، މި ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުށަހެޅޭ ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލްތައް ހުށަހެޅުމާއި، އެފަދަ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެގޮތުގެ އުސޫލެވެ.

 

2 ވަނަ މާއްދާ - ޕްރޮޕޯޒަލުގެ ބާވަތްތައް

ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލުގެ ގޮތުގައި ސަރުކާރަށް ހުށަހެޅޭނީ ތިރީގައި ބަޔާންކޮށްފައިވާފަދަ ޕްރޮޕޯޒަލްތަކެވެ.

(ހ) ސަރުކާރުން ކަނޑައަޅައިފައިވާ ވަކި މަށްރޫއަކަށް ނުފެތ،ޭ ނަމަވެސް ސަރުކާރުގެ ތަރައްގީގެ އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިކަން ފޯރުކޮށްދޭފަދަ މަށްރޫއުތަކާ ގުޅޭ ޕްރޮޕޯޒަލް.

(ށ) ސަރުކާރުގެ ސްޓްރެޓީޖިކް ޑިވެލޮޕްމަންޓް ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންތައްތައް އީޖާދީގޮތެއްގައި (އިނޮވޭޓިވް ގޮތެއްގައި) އަދި ފުދުންތެރި ގޮތެއްގައި ހާސިލުކުރުމަށް މަގުފަހިކޮށްދިނުމަށް ހުށަހަޅާ ޕްރޮޕޯޒަލް.

 

3 ވަނަ މާއްދާ - ޕްރޮޕޯޒަލް ހުށަނޭޅޭނެ ހާލަތްތައް

ތިރީގައި ބަޔާންކޮށްފައިވާ ހާލަތުތަކުގައި، މި ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ނ) ގެ ދަށުން ޕްރޮޕޯޒަލެއް ހުށައެއްނޭޅޭނެއެވެ.

(ހ) ޕްރޮޕޯޒަލް ހުށަހެޅުމުގެ ކުރިން، އެ ޕްރޮޕޯޒަލުގައި ހިމެނޭ މަށްރޫއެއް އިއުލާނުކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތުން ރާވައިފައިވުން.

(ށ) ޕްރޮޕޯޒަލް ހުށަހެޅުމުގެ ކުރިން، އެ ޕްރޮޕޯޒަލުގައި ހިމެނޭ މަށްރޫއެއް ސަރުކާރުގެ 
ކަމާބެހޭ ފަރާތުން އިއުލާނުކޮށްފައިވުން.

(ނ) ޕްރޮޕޯޒަލް ހުށަހެޅުމުގެ ކުރިން، އެ ޕްރޮޕޯޒަލުގައި ހިމެނޭ މަށްރޫއެއް ސަރުކާރުގެ ކަމާބެހޭ ފަރާތުން އިއުލާނުކޮށްގެން މަށްރޫއުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމުގެ އެއްވެސް މަރުހަލާއެއް ފަށައިފައިވުން. 

 

4 ވަނަ މާއްދާ - ޕްރޮޕޯޒަލުގައި ހިމަނަންޖެހޭ ބައިތައް

މި އުސޫލުގެ ދަށުން ޕްރޮޕޯޒަލް ހުށަހަޅަންވާނީ ތިރީގައިވާ ބައިތައް ހިމެނޭ ގޮތަށެވެ.

(ހ) އެޕްލިކޭށަން ފޯމު.

(ށ) ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ މަށްރޫއުގެ ޕްރޮޕޯޒަލް.

  1. ޕްރޮފޯޒަލް ހުށަހަޅާ ފަރާތުގެ ނަން؛
  2. މަށްރޫއު ހިންގުމަށް ހުށަހަޅާ ތަން؛
  3. މަށްރޫއު ހިންގުމަށް ބިން ބޭނުންވާނަމަ، ބޭނުންވާނެ ބިމާއި، އެ ބިމުގެ ބޮޑުމިން (ހެކްޓަރުން)؛
  4. މަށްރޫއުގެ މައިގަނޑު ބައިތަކާއި، ސަރުކާރުގެ ސްޓްރެޓީޖިކް ލަނޑުދަނޑިތަކާ ގުޅުންހުރި މިންވަރު؛
  5. މަށްރޫއު ހިންގުމަށް ހުށަހަޅާ ވިޔަފާރި މޮޑެލްއާއި، މައިގަނޑު ކޮމާށަލް ޓަރމްސ.ް
  6. މަށްރޫއުގެ ޖުމުލަ އިންވެސްޓްމަންޓުގެ މިންވަރާއި، އިންވެސްޓްމަންޓަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތް؛
  7. މަށްރޫއަށް ސަރުކާރުގެ ފަރާތުން ބޭނުންވާ ކޮމިޓްމަންޓެއް އޮތްނަމަ އެކަމުގެ ތަފުސީލު.

(ނ) ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޖަމުއިއްޔާއެއް ނުވަތަ ޖަމާއަތެއްނަމަ، ރަޖިސްޓަރީކޮށްފައިވާކަމުގެ ސެޓުފިކެޓުގެ ކޮޕީއާއި، އަސާސީ ގަވާއިދުގެ ކޮޕީއާއި، ހިންގާ ގަވާއިދުގެ ކޮޕީ ނުވަތަ އެނޫން ވެސް އެފަދަ ގާނޫނީ ލިޔެކިޔުންތަކުގެ ކޮޕީ.

(ރ)

  1. ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ދިވެހި އަމިއްލަ ފަރުދެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
  2. ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ބިދޭސީއެއްނަމަ، އެ ފަރާތުގެ ޕާސްޕޯޓުގެ ނޯޓަރައިޒްކޮށްފައިވާ ކޮޕީއެއް.

(ބ) މަށްރޫއުގެ ދާއިރާގައި ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ފަންނީ ގާބިލުކަން ހުރި މިންވަރު އަންގައިދޭ ލިޔެކިޔުން.

(ޅ) ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކުގެ ކޮޕީ.

(މި އަކުރު މިހެން އޮތްކަމުގައި ވިޔަސް، ހުށަހެޅިފައިވާ ޕްރޮޕޯޒަލުގައި ހިމެނޭ މަށްރޫއުގެ ކުޑަބޮޑުމިނަށް ބަލައި، 3 (ތިނެއް) އަހަރަށްވުރެ ދިގު މުއްދަތުގެ އޮޑިޓުކޮށްފައިވާ މާލީބަޔާން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.)

 

5 ވަނަ މާއްދާ - ޕްރޮޕޯޒަލް ހުށަހެޅުން

(ހ) ޕްރޮޕޯޒަލް ހުށަހަޅާނ،ީ މިނިސްޓްރީގެ އަންނަނިވި އެޑްރެހަށެވެ.

އިންވެސްޓް މޯލްޑިވްސް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

4 ވަނަ ފަންގިފިލާ، ވެލާނާގެ 
ފޯނު: +9603333183
އީމެއިލް: [email protected]

(ށ) ޕްރޮޕޯޒަލް ތައްޔާރުކުރުމުގައި އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެނަމަ، އެކަމެއް ސާފުކުރުމަށް ޓަކައި މަތީގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށް ފޮނުވައިގެން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އެ ކަމެއް ސާފުކުރުމަށް ހުށަހެޅިދާނެއެވެ.

(ނ) ޕްރޮޕޯޒަލެއް ހުށަހެޅުމަށްފަހ،ު ޕްރޮޕޯޒަލާއި އެ ޕްރޮޕޯޒަލަކާއެކު ހުށަހަޅާ ހުރިހާ ލިޔުންތަކުގެ މިލްކުވެރިކަން ސަރުކާރަށް ލިބިގެންދާނެއެވެ. އެހެންނަމަވެސް، ޕްރޮޕޯޒަލުގައި ހިމެނިފައިވާ އެންމެހައި މައުލޫމާތުތަކުގެ ފިކުރީ މިލްކުވެރިކަމުގެ ހަމައެކަނި ހައްގުވެރި ފަރާތަކީ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތެވެ.

(ރ) ޕްރޮޕޯޒަލް ހުށަހެޅުމުގައި ހިނގާ ހުރިހާ ހަރަދަކަށް ޒިންމާވާނީ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުންނެވެ.

(ބ) މިނިސްޓްރީއަށް ޕްރޮޕޯޒަލެއް ލިބުމުން، އެ ޕްރޮޕޯޒަލް ލިބުނުކަމުގެ ރަސީދެއް ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.

 

6 ވަނަ މާއްދާ - އެސެސްމަންޓް އަދި ޕްރޮޕޯޒަލާމެދު ގޮތެއް ނިންމުން

މި އުސޫލުގެ ދަށުން ހުށަހެޅޭ ޕްރޮޕޯޒަލްތައް އެސެސްކޮށް ޕްރޮޕޯޒަލާމެދު ގޮތެއް ނިންމޭނީ ތިރީގައިވާ މަރުހަލާތަކަށް ބަހައިލައިގެންނެވެ. 
(ހ) ފުރަތަމަ މަރުހަލާ:

  1. ޕްރޮޕޯޒަލް ހުށަހެޅުމުގައި ކަނޑައަޅައިފައިވާ އަސާސީ މިންގަނޑުތަކަށް ޕްރޮޕޯޒަލް ފެތޭތޯ ބެލުމާއި، ޕްރޮޕޯޒަލް ހުށަހެޅި ދާއިރާގައި ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ ގާބިލުކަން ހުރިތޯ ބެލުން؛
  2. ޕްރޮޕޯޒަލާ ގުޅޭ ސްޓްރެޓީޖިކް އެސެސްމަންޓާއި މަށްރޫއުގެ ޑީޓެއިލްޑް އެސެސްމަންޓް ހެދުން؛
  3. ޕްރޮޕޯޒަލް ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުމާމެދު އެގްޒެކެޓިވް ކޮމިޓީން ގޮތެއް ނިންމުން.

(ށ) ދެވަނަ މަރުހަލާ.

  1. ޕްރޮޕޯޒަލާމެދު ގޮތެއް ނިންމުމަށް ޓަކައި ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުން؛ 
  2. މަށްރޫއުގެ ޓަރމްސް ނެގޯށިއޭޓްކޮށް ފައިނަލައިޒްކުރުން.

(ނ) ތިންވަނަ މަރުހަލާ:

  1. ފޮރިން އިންވެސްޓްމަންޓް އަދި/ނުވަތަ ވިޔަފާރި ރަޖިސްޓަރީކުރުން؛
  2. އެއްބަސްވުމުގައި ސޮއިކުރުން.

 

ފުރަތަމަ މަރުހަލާ 

 

7 ވަނަ މާއްދާ - އިނީށަލް އެސެސްމަންޓް

(ހ) ޕްރޮޕޯޒަލް ހުށަހެޅުމުން ހެދޭ އިނީށަލް އެސެސްމަންޓުގައި އަންނަނިވި ކަންކަން ފުރިހަމަވާކަން މިނިސްޓްރީން ކަށަވަރުކުރަންވާނެއެވެ.

  1. ޕްރޮޕޯޒަލުގައި ހިމަނަންޖެހޭ ބައިތައް ހިމަނައިފައިވޭތޯ ބެލުން؛
  2. ޕްރޮޕޯޒަލް ހުށަހަޅައިފައިވާ ދާއިރާގައި ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ ތަޖުރިބާ އާއި، ފަންނީ އަދި މާލީ ގާބިލުކަން ހުރިތޯ ބެލުން.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާނަމަ، އެގްޒެކެޓިވް ކޮމިޓީގެ ލަފާގެ މަތީން، ހުށަހަޅައިފައިވާ ޕްރޮޕޯޒަލް ކުރިޔަށް ގެންދިއުމަށް ނުވަތަ ކުރިޔަށް ނުގެންދިއުމަށް ނިންމިދާނެއެވެ. އަދި މިގޮތުގެ މަތީން ނިންމާ ނިންމުން، އެގޮތަށް ނިންމި ސަބަބުތައް ބަޔާންކޮށް، ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް މިނިސްޓްރީން އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ - ޕްރޮޕޯޒަލުގެ ސްޓްރެޓީޖިކް އެސެސްމަންޓް

މި އުސޫލުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ ޕްރޮޕޯޒަލްތަކާއި، އެ މާއްދާގެ (ށ) ގެ ދަށުން ކުރިޔަށް ގެންދިޔުމަށް ނިންމައިފައިވާ ޕްރޮޕޯޒަލްތަކަކީ ސަރުކާރުގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލުވާ ޕްރޮޖެކްޓެއްތޯ ދެނެގަނ،ެ ޕްރޮޕޯޒަލުން މުޖުތަމައަށް ކުރާނެ އަސަރު ދެނެގަތުމަށް ޓަކައި އެ ޕްރޮޕޯޒަލްތަކުގެ ސްޓްރެޓީޖިކް އެސެސްމަންޓެއް މިނިސްޓްރީން ތައްޔާރުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ޑީޓެއިލްޑް އެސެސްމަންޓް

(ހ) މި އުސޫލުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސްޓްރެޓީޖިކް އެސެސްމަންޓާ އެކުއެކީގައި، ތިރީގައިވާ ކަންކަން ހިމެނޭގޮތަށް، ޕްރޮޕޯޒަލުގެ ޑީޓެއިލްޑް އެސެސްމަންޓެއް މިނިސްޓްރީން ތައްޔާރުކުރަންވާނެއެވެ.

  1. މަށްރޫއުން ރައްޔިތުންނަށް ކުރާނެ ފައިދާ؛
    1.1 ޕްރޮޕޯޒަލް ބައްޓަންކުރުމުގައި ސަރުކާރުން ކުރިޔަށް ގެންދިއުމަށް ރާވައިފައިވާ ތަރައްގީގެ މަށްރޫއުތަކާއި، ހާސިލުކުރުމަށް ބޭނުންވާ ސްޓްރެޓީޖިކް ލަނޑުދަނޑިތަކާ ގުޅުންހުރި މިންވަރު.
    1.2 އެފަދަ މަށްރޫއަކަށް މުޖުތަމައު ބޭނުންވެފައިވާ މިންވަރު.
    1.3 ހުށަހަޅައިފައިވާ މަށްރޫއުން މުޅި ގައުމުގެ ކުރިއެރުމަށް ލިބޭނެ ފައިދާއާއި މަންފާ.
  2. މަށްރޫއުގެ ފީޒިބިލިޓީ؛
    2.1 މަށްރޫއަކީ ޓެކްނިކަލްގޮތުން ކުރިޔަށް ގެންދެވިދާނެ މަށްރޫއެއްތޯ ދެނެގަތުން.
    2.2 މަށްރޫއު ފެށުމަށް ބޭނުންވާ ފައިނޭންސ.ް
    2.3 މުޖުތަމައަށާއި، ތިމާވެށްޓަށާއި، އިގްތިސާދަށް މަށްރޫއުން ކުރާނެ އަސަރު.
  3. ފަންނީ ގާބިލުކަމާއި މާލީ ގާބިލުކަންހުރި މިންވަރު؛
    3.1 ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުން ހުށަހަޅައިފައިވާ މަށްރޫއާއި އެފަދަ އެހެނިހެން މަށްރޫއުތައް ހިންގުމުގައި މަސައްކަތްކޮށްފައިވާ މިންވަރާއި، އެކަމުގެ ތަޖުރިބާ.
    3.2 ހުށަހަޅައިފައިވާ މަށްރޫއު ހިންގުމުގެ މާލީ ތަނަވަސްކަން ހުރި މިންވަރު.
  4. ފައިސާ ހޯދާގޮތް؛
    4.1 މަށްރޫއަށް ފަންޑުކުރުމަށް ރާވައިފައިވާ ގޮތް އަދި އެ ގޮތަކީ ސަރުކާރުގެ މާލީ ތަނަވަސްކަން ތަންދޭފަދަ ގޮތަކަށްވުން.
  5. ވިޔަފާރި މޮޑެލް؛
    5.1 ހުށަހަޅައިފައިވާ ކޮމާށަލް ޓަރމްސްތައް ސަރުކާރަށް ގަބޫލުކުރެވޭ މިންވަރު.
  6. ޑިއު ޑިލިޖަންސް؛
    6.1 އެތިކަލް މިންގަނޑުތައް: ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ބައިނަލްއަގުވާމީގޮތުން ބަލަހައްޓާ ބްލެކްލިސްޓެއްގައި ނަން ހިމެނިފައިވާ ފަރާތެއްކަމުގައި ނުވުން.
    6.2 އިންސޯލްވަންސީ: ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ދަރަނިވެރިވެފައިވާ ނުވަތަ ބަނގުރޫޓުވެފައިވާ ފަރާތެއްކަމުގައި ނުވުން.
    6.3 ޕްރޮޕޯޒަލް ހުށަހަޅާ ފަރާތް ނިސްބަތްވާ ގައުމުން ލާޒިމުކުރާ ގާނޫނީ ޒިންމާތައް އަދާކޮށްފައިވުން.
    6.4 ކުށުގެ ރިކޯޑު: ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ނުވަތަ އެ ފަރާތުގެ ޑައިރެކްޓަރުންނަކީ މަސައްކަތާ ގުޅުންހުރި ކަމަކުން ޖިނާއީ ކުށުގެ ރިކޯޑެއް އޮތް ބަޔަކުކަމުގައި ނުވުން. 

(ށ) މި އުސޫލުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސްޓްރެޓީޖިކް އެސެސްމަންޓާއި ޑީޓެއިލްޑް އެސެސްމަންޓް ތައްޔާރުކުރުމުގައި ކަމާގުޅޭ އެންމެހައި ވުޒާރާތައް ބައިވެރިކުރަންވާނެއެވެ. އަދި މިކަމުގައި ފަންނީ ތަޖުރިބާކާރުންގެ އެހީއަށް ބޭނުންވެއްޖެ ހިނދެއްގައި ގާނޫނީ ދާއިރާއާއި، މާލީ ދާއިރާއާއި، ތިމާވެށީގެ ދާއިރާ ހިމެނޭހެން، ކަމާގުޅޭ މުއައްސަސާތަކުގެ އެހީތެރިކަން ވެސް ހޯދިދާނެއެވެ.

(ނ) ޕްރޮޕޯޒަލްގެ އިނީށަލް އެސެސްމަންޓާއި، ސްޓްރެޓީޖިކް އެސެސްމަންޓާއި، ޑީޓެއިލްޑް އެސެސްމަންޓަށްފަހު މިނިސްޓްރީން ތައްޔާރުކުރާ ރިޕޯޓު އެގްޒެކެޓިވް ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން އެގްޒެކެޓިވް ކޮމިޓީއަށް ރިޕޯޓު ހުށަހެޅުމުން، އެ ރިޕޯޓު ދިރާސާކުރުމަށްފަހ،ު އެގްޒެކެޓިވް ކޮމިޓީން އެ ޕްރޮޕޯޒަލަކާމެދު އަންނަނިވި ގޮތުންކުރެ ގޮތަކަށް ނިންމަންވާނެއެވެ.

  1. އެ ޕްރޮޕޯޒަލަކީ ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅަން އެ ވަގުތަށް އެންމެ ރަނގަޅު ޕްރޮޕޯޒަލެއް ނޫންކަމަށް ކޮމިޓީން އިއްތިފާގުވެވޭނަމަ، ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް އެ ޕްރޮޕޯޒަލް ހުށަހަޅަން ނުފެންނަކަމަށް ނިންމުން. އެގްޒެކެޓިވް ކޮމިޓީން އެގޮތަށް ނިންމައިފިނަމަ، އެގޮތަށް ނިންމި ސަބަބުތައް ބަޔާންކޮށް،ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް މިނިސްޓްރީން އަންގަންވާނެއެވެ؛
  2. އެ ޕްރޮޕޯޒަލަކީ ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅަން އެންމެ ރަނގަޅު ޕްރޮޕޯޒަލެއްކަމަށް ކޮމިޓީއަށް ފެނިއްޖެނަމަ، އެ ޕްރޮޕޯޒަލާމެދު އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އަމަލު ކުރުމަށް ޓަކައި ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅުން.
    2.1 ހުށަހަޅައިފައިވާ ގޮތަށް ކުރިޔަށް ގެންދަން ނިންމުމަށ.ް
    2.2 ސީދާ މަށްވަރާއަކަށް ދިއުމަށް ނިންމުމަށ.ް
    2.3 ވާދަވެރި ބީލަމަކަށް ހުޅުވައިލުމަށް ނިންމުމަށ.ް
    2.4 ކުރިޔަށް ގެންދިއުމަށް ނުފެންނަކަމަށް ނިންމުމަށ.ް

(ބ) މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ (2.3) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވާދަވެރި ބީލަމަކަށް ދިއުމަށް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމައިފިނަމަ، ބިޑު ހުށަހެޅުމުގެ ފުރުސަތ،ު ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް ވެސް ދެވޭނެއެވެ. ވާދަވެރި ބީލަމުގެ މަރުހަލާ ކުރިޔަށްގެންދާނ،ީ ކަމާބެހޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، އެ ޕްރޮޕޯޒަލެއްގެ ދާއިރާއާ ގުޅޭ ވުޒާރާއަކުންނެވެ.

(ޅ) މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ (2.4) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕްރޮޕޯޒަލުގެ ކަންކަން އިތުރަށް ކުރިޔަށް ގެންދިއުމަށް ނުފެންނަކަމަށް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމައިފިނަމަ، އެގޮތަށް ނިންމި ސަބަބުތައް ބަޔާންކޮށް، ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް މިނިސްޓްރީން އަންގަންވާނެއެވ.

 

ދެވަނަ މަރުހަލާ

 

10 ވަނަ މާއްދާ - ޕްރޮޕޯޒަލާ ގުޅޭ މަށްވަރާތައް ކުރިޔަށް ގެންދިއުމާއި، ކޮމާށަލް ޓަރމްސް ފައިނަލައިޒްކުރުން

(ހ) މަށްރޫއުގެ ސްކޯޕާއި ޓަރމްސްތަކާއި އެހެނިހެން ކަންކަމާ ގުޅޭގޮތުން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއި ސަރުކާރާއެކ،ު މި އުސޫލުގެ 9 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ (2.2) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސީދާ މަށްވަރާއަށް ދިއުމަށް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ނިންމައިފިނަމަ، އެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތީން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއެކު ސީދާ މަށްވަރާއަށް ގޮސް މަށްރޫއުގެ ޓަރމްސްތައް ފައިނަލައިޒް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއި ސަރުކާރާއެކު ސީދާ މަށްވަރާއަށް ދިއުމަށް ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ނިންމާ ހާލަތުގައި، މަށްރޫއުގެ ޓަރމްސްތަކާމެދު ސީދާ މަށްވަރާއަށް ދިއުމުގެ ކުރިން އެކަމަށް މަގު ފަހިކުރުމުގެ ގޮތުން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއެކު ފަހުމުނާމާ (މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ) އެއްގައި ސޮއިކުރުމަށް ދެފަރާތުންކުރެ ފަރާތަކަށް ފެންނަނަމަ، އެފަދަ ފަހުމުނާމާއެއްގައި ސޮއިކުރެވިދާނެއެވެ.

(ނ) މި މާއްދާގައިވާ ގޮތުގެ މަތީން ކުރެވޭ ސީދާ މަށްވަރާތައް ނިމިގެންދާގޮތަށް ރިއާޔަތްކޮށް، ދެފަރާތުގެ ދެމެދުގައި އެއްބަސްވެވޭ މަށްރޫއުގެ މައިގަނޑު ކޮމާށަލް ޓަރމްސްއާމެދު ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ހުއްދަ ހޯދުމަށް ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް، މިނިސްޓްރީން ހުށަހަޅަންވާނެއެވެ.

 

ތިންވަނަ މަރުހަލާ

 

11 ވަނަ މާއްދާ - އެއްބަސްވުމުގައި ސޮއިކުރުން

(ހ) މި މަރުހަލާގައި، ސަރުކާރާއި ޕްރޮޕޯޒަލުގައި ހުށަހަޅައިފައިވާ މަށްރޫއު ހިންގުމަށް ކަނޑައަޅާ ފަރާތާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދެވޭނެއެވެ. މި އެއްބަސްވުން ބިނާކުރެވޭނ،ީ ދެފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ އަދި މި އުސޫލުގެ 10 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ހުއްދަދީފައިވާ ކޮމާށަލް ޓަރމްސްގެ މައްޗަށެވެ.

(ށ) މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރާނ،ީ އެ މަށްރޫއެއް ހިންގުމަށް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުންނެވެ.

 

12 ވަނަ މާއްދާ - ފޮރިން އިންވެސްޓްމަން އަދި / ނުވަތަ ވިޔަފާރި ރަޖިސްޓަރީކުރުން

ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ: ދިވެހިރާއްޖޭގައި މަށްރޫއެއް ހިންގުމަށް ޓަކައި ފޮރިން އިންވެސްޓްމަންޓެއް ނުވަތަ ވިޔަފާރިއެއް ރަޖިސްޓަރީކުރަންޖެހޭ ފަރާތެއް ކަމުގައިވާނަމަ، މި އުސޫލުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެކަންކަމުގެ ގާނޫނީ އިޖުރާތު ފުރިހަމަކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ޒިންމާތަކާއި މަސްއޫލިއްޔަތުތައް ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ޒިންމާ

ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ޒިންމާތައް: ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ޕްރޮޕޯޒަލް ތައްޔާރުކޮށް ހުށަހެޅުން.

(ށ) ޕްރޮޕޯޒަލް އެސެސްކުރުމުގައި އިތުރު މައުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އެ މައުލޫމާތު ހުށަހެޅުން.

(ނ) ޕްރޮޕޯޒަލާއެކު ހުށަހަޅާ މައުލޫމަތަކީ ސައްހަ މައުލޫމާތުކަން ކަށަވަރުކުރުން.

 

14 ވަނަ މާއްދާ - މިނިސްޓްރީގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް

(ހ) ހުށަހެޅޭ ޕްރޮޕޯޒަލްތައް ބަލައިގަތުމުގައްޔާއި، އެ ޕްރޮޕޯޒަލްތައް އެނަލައިޒް ކުރުމުގައްޔާއި، މިކަންކަން ވިލަރެސްކުރުމުގައި އެންމެ އިސް ދައުރު އަދާކުރުން.

(ށ) ޕްރޮޕޯޒަލްތައް ލިބޭ މިންވަރަކުން ގަވާއިދުން އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގަމުން ގެންދިއުން.

(ނ) ހުށަހަޅައިފައިވާ ޕްރޮޕޯޒަލް ފުރިހަމަތޯ ބެލުން.

(ރ) ޕްރޮޕޯޒަލް އެސެސްކުރުމުގެ މަރުހަލާގައި، ކަމާ ގުޅޭ އެހެނިހެން ވުޒާރާތަކާއި އިދާރާތައް ބައިވެރިކުރުމުގެ ކަންކަން ހަމަޖެއްސުން.

(ބ) ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ކިބައިން އިތުރު މައުލޫމާތެއް ހޯދަން ބޭނުންވާނަމަ، އެ މައުލޫމާތެއް ފޯރުކޮށްދިނުމަށް އެދުނ.

(ޅ) ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް އެ ޕްރޮޕޯޒަލުގެ ކޮމްޕްލައެންސް ނުވަތަ ނޮނ-ްކޮމްޕްލައެންސް އެންގުން.

(ކ) މި އުސޫލުގައި ކަނޑައަޅައިފައިވާ އެސެސްމަންޓް ކްރައިޓީރިއާގެ ދަށުން ޕްރޮޕޯޒަލް އެސެސްކުރުން.

(އ) ޕްރޮޕޯޒަލާ ގުޅޭ ހުށަހެޅުންތަކުގެ އިނީށަލް އެސެސްމަންޓާއި، ސްޓްރެޓީޖިކް އެސެސްމަންޓާއި، ޑީޓެއިލްޑް އެސެސްމަންޓް ހެދުން.

(ވ) ޕްރޮޕޯޒަލާ ގުޅޭގޮތުން މަށްވަރާކުރުމަށް ހާއްސަ ޕެނަލެއް އެކުލަވައިލެވިއްޖެނަމަ، އެ ޕެނަލުގެ މަސައްކަތްތަކަށް އެހީތެރިވެދިނުން.

 

15 ވަނަ މާއްދާ - ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ދައުރު

(ހ) ފުރަތަމަ މަރުހަލާ ކަޑައްތުކޮށްފައިވާ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުން.

(ށ) މަށްރޫއުގެ މައިގަނޑު ކޮމާށަލް ޓަރމްސްއަށް ހުއްދަދިނުން.

(ނ) ކުރިން އެއްބަސްވެފައިވާ ކޮމާށަލް ޓަރމްސްއަށް ނުވަތަ ސަރުކާރުގެ ފަންޑިންގއަށް ނުވަތަ މަށްރޫއާބެހޭ މުހިންމު އެއްވެސް ކަމަކަށް ބަދަލެއް އަތުވެއްޖެ ހާލަތެއްގައި، އެ ބަދަލަކާ އެއްގޮތަށް ކުރިޔަށް ގެންދިއުމުގެ ހުއްދަ ދިނުން.

 

އެހެނިހެން

 

16 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުން

(ހ) މި އުސޫލުގެ ދަށުން ހުށަހެޅޭ ޕްރޮޕޯޒަލްތަކުގެ ތެރެއިން އެއްބަސްވުމަކާ ހަމަޔަށް ގެންދެވޭ ޕްރޮޕޯޒަލްތަކުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ށާއިއުކުރެވޭ މައުލޫމާތުގެ ތެރޭގައި ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ މައުލޫމާތާއި، ހުށަހަޅައިފައިވާ ޕްރޮޕޯޒަލުގެ ސްކޯޕް ހިމަނަންވާނެއެވެ.

(ނ) ވިޔަފާރީގެގޮތުން ހައްސާސް މައުލޫމާތުތައް ރައްކައުތެރިކުރެވޭނެކަން ކަށަވަރުކުރުމަށް ޓަކައި އެއްވެސް މައުލޫމާތެއް ހާމަކުރުމުގެ ކުރިން، އެ ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއެކު މިނިސްޓްރީން މަށްވަރާކުރަންވާނެއެވ.

 

17 ވަނަ މާއްދާ - އާންމު މާއްދާ

(ހ) ޕްރޮޕޯޒަލް އެސެސްކުރުމުގެ އެންމެހައި މަރުހަލާތަކުގައްޔާއި އެއްބަސްވުމުގައި ސޮއިކުރުމުގެ އެންމެހައި މަސައްކަތްތައް ކުރިޔަށް ގެންދަންވާނ،ީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި އުސޫލުގައި ބަޔާންކޮށްފައިނުވާ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަމާމެދު ގޮތެއް ނިންމާނ،ީ ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީންނެވެ.

 

18 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކ،ު އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނ،ީ އެ އިބާރާތްތަކާއި ލަފުޒުތަކަށް ތީރިގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ޕްރޮޕޯޒަލް" ކަމަށް ބަޔާންކޮށްފައި އެވަނ،ީ ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލްތަކަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބަޔާންކޮށްފައި އެވަނ،ީ އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް އެ ވަގުތަކު ކަނޑައަޅައިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ނ) "ވަޒީރުންގެ މަޖިލީހުގެ ކޮމިޓީ" ކަމަށް ބަޔާންކޮށްފައި އެވަނ،ީ ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ވަޒަންކުރުމަށާއި، އިގްތިސާދު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދައިފައިވާ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް އެކުލެވޭ އިކޮނޮމިކް ކައުންސިލަށް ނުވަތަ ކަމާގުޅޭ ކޮމިޓީއަށެވެ.

(ރ) "އެގްޒެކެޓިވް ކޮމިޓީ" ކަމަށް ބަޔާންކޮށްފައި އެވަނ،ީ މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނަ ވަޒީރާއި، ޕްރޮޕޯޒަލްގައި ހިމެނޭ މަށްރޫއުގެދާއިރާއާ ގުޅޭ ވުޒާރާ ހިންގުމާ ހަވާލުވެ ހުންނަ ވަޒީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް އޮފީސް ހިންގުމާ ހަވާލުވެހުންނަ އެންމެ އިސްވެރިޔާގެ މައްޗަށް އެކުލެވިގެންވާ ކޮމިޓީއަށެވެ.

 

މައި ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-158)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2023-158)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު