-

ދައުލަތުގެ ބީލަމެއްގައި ބައިވެރިވާ ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކުރުމާއި  ވަކި މުއްދަތަކަށް ބީލަމެއްގައި ބައިވެރިނުވެވޭގޮތަށް ސަސްޕެންޑްކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2024-31)

(މި އުސޫލަށް އަމަލުކުރަން ފެށީ 16 އޮކްޓޫބަރު 2024 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 46-4 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 11.12 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވ،ާ ބީލަން ހުށަހެޅުމުގައި އަމަލުކުރަންޖެހޭކަމަށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި ކަނޑައަޅައިފައިވާ ގޮތާ ހިލާފަށް އަމަލުކުރުމާއި، ބީލަމުގައި މަކަރާއި ހީލަތް ހެދުމާއި، ނަހަމަ މަންފާއެއް ލިބިގަތުމަށް ޓަކައި ކަމާ ގުޅުންހުރި މުވައްޒަފަކާ އެކުގައި މަސައްކަތްކުރުން (ކޮލޫސިވް)، ބާރުގެ ބޭނުންކުރުން، ބިރުދެއްކުން (ކޮއަރސިވް)، ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ހުރަސްއެޅުމުގެ އަމަލުތައް ހިންގުން، ބީލަމުގެ އަގަށް ނުފޫޒު ފޯރުވުން ފަދަ އަމަލެއް ހިންގައިފައިވާ ހާލަތުގައްޔާއި ކޮންޓްރެކްޓަކާ ހަވާލުވުމަށްފަހު އެ ފަރާތަކުން އެ ހަވާލުވި މަސައްކަތެއް ފުރިހަމަނުކޮށް ދޫކޮށްލުން ނުވަތަ ކޮންޓްރެކްޓަރުގެ އިހުމާލެއްގެ ސަބަބުން ލިބޭ ގެއްލުމަކަށް ބަލައި ކޮންޓްރެކްޓް ބާތިލުކޮށްފައިވާ ހާލަތުގައި އެ ކޮންޓްރެކްޓަރަކު ދައުލަތުގެ ބީލަންތަކުން ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކުރުމާއި ވަކި މުއްދަތަކަށް ބީލަމެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑްކުރުމުގެ އުސޫލުތައް ބަޔާންކުރުމަށް ޓަކައި ބުނެވިދިޔަ މާއްދާތަކުގެ ދަށުން ބާރުލިބިގެން އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ދައުލަތުގެ ބީލަމެއްގައި ބައިވެރިވާ ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކުރުމާއި ވަކި މުއްދަތަކަށް ބީލަމެއްގައި ބައިވެރިނުވެވޭގޮތަށް ސަސްޕެންޑްކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އަމަލުކުރާ ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކުރުމާއި ސަސްޕެންޑްކުރާނެ އުސޫލުތައް ބަޔާންކުރުމާއެކު، ތިރީގައިވާ ކަންކަން ހާސިލުކުރުމެވެ. އަދި މި އުސޫލުގައި ބަޔާންކޮށްފައިވާ އިދާރީ ފިޔަވަޅުތަކަކީ ގާނޫނެއްގައި ކަނޑައެޅިފައިވާ މަދަނީ އަދަބުތަކާއި ޖިނާއީ އަދަބުތައް، އެ ހިލާފުވުމަކާ ގުޅިގެން ނުވަތަ އެ ކުށަކާ ގުޅިގެން ކަނޑައެޅުމަށް ހުރަސްއަޅާ ކަމެއް ނޫނެވެ. އަދި އެއް ކުށަކަށް ދެ އަދަބު ދިނުންކަމުގައެއް ވެސް ނުބެލެވޭނެއެވެ.

(ހ) ދައުލަތުގެ ޕްރޮކިއުމެންޓުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުން.

(ށ) ދައުލަތުގެ ޕްރޮކިއުމަންޓުގެ މައްސަލަތައް ބެލުމުގައި ވީހައިވެސް ދެފުށްފެންނ،ަ ހަމަހަމަ ސިޔާސަތެއް ގެންގުޅުން.

(ނ) ކަންކަން ނިންމުމުގައި އާންމު މަސްލަހަތު އިސްކުރުން.

(ރ) ދައުލަތުގެ ޕްރޮކިއުމަންޓްތަކުގައި ބައިވެރިވާ ފަރާތްތައް މި އުސޫލުގެ ދަށުން ފިޔަވަޅު އެޅޭނެކަމަށް ކަނޑައަޅައިފައިވާ ފަދަ ނުރަނގަޅު އަމަލު ތައް ކުރުމުން ދުރުކޮށް، އިސްލާހުކޮށް، ޕްރޮކިއުމަންޓުގެ ކަންކަމުގައި ރަނގަޅު އާދަތައް އަށަގެންނެވުމާއި ކުރިއެރުވުން.

(ބ) ފިޔަވަޅުއެޅުމަށްވުރެ ބޮޑަށް، ފިޔަވަޅުއެޅޭނެ ފަދަ އަމަލުތައް ކުރުމުން ދުރުކުރުމަށް ބާރުއެޅުން.

 

3 ވަނަ މާއްދާ - ފިޔަވަޅުއެޅުމަށް ފޮނުވުން

(ހ) މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމެއް ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރަކު ކޮށްފައިވާ ނަމަ، އެފަދަ ފަރާތަކަށް ފިޔަވަޅުއެޅުމަށް ދައުލަތުގެ އޮފީހަކުން ނިންމާތާ، ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި ދައުލަތުގެ އެ އޮފީހަކުން، މި އުސޫލުގެ ޖަދުވަލު 1 ގައިވާ ފޯމު މެދުވެރިކޮށް މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ށ) މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ގުޅިގެން ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކޮށް ސަސްޕެންޑްކުރާނީ، ޕްރޮކިއުމަންޓް އެޕީލް ބޯޑުންނެވެ.

 

4 ވަނަ މާއްދާ - ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކޮށް ސަސްޕެންޑްކުރެވޭނެ ގޮތްތައް

ދައުލަތުގެ ބީލަމެއްގައި ވަކި މުއްދަތަކަށް ބައިވެރިނުވެވޭގޮތަށް ބީލަންވެރީން ނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކޮށް ސަސްޕެންޑް ކުރެވޭނެ ކަމަށް ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 11.12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ބީލަމަކާ ގުޅޭގޮތުން ދައުލަތުގެ އޮފީހަކަށް ބީލަމުގެ މަރުހަލާގައި، ކޮންޓްރެކްޓް ކުރިޔަށް ގެންދިޔުމުގައި ސައްހަނޫން ލިޔުންތައް ހުށަހެޅުމާއި، އެފަދަ މައުލޫމާތު ދިނުމާއި، މައުލޫމާތު ފޮރުވުން.

(ށ) ބީލަމުގައި އެހެން ފަރާތަކުން ބައިވެރިވުމަށް ހުރަސްއެޅުމާއި، އެހެން ފަރާތަކަށް ބީލަން ލިބޭގޮތަށް މަގުފަހިކުރުމަށް މަސައްކަތްކުރުން.

(ނ) ބީލަން ހުށަހެޅުމުގައި އަމަލުކުރަންޖެހޭ ގޮތް ނޫން ގޮތްގޮތަށް އަމަލުކުރުމާއި، ބީލަމުގައި ކޮރަޕްޓ،ް ފްރޯޑިއުލެންޓ،ް ކޮލޫސިވެ، ކޮއެސިވް އަދި އޮބްސްޓްރަކްޓިވް ޕްރެކްޓިސްގެ އަމަލު ހިންގުމާއި، ބީލަމުގެ އަގަށް ނުފޫޒު ފޯރުވުމާއި، މައުލޫމާތުގެ ސިއްރުކަން ގެއްލޭ ފަދަ އަމަލެއް ހިންގުން.

(ރ) ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދެ ފަރާތެއް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއް ގުޅިގެން އެ މީހުން އެއްބަސްވާ ވަކި ފަރާތަކަށް މަސައްކަތް ލިބޭނެގޮތަށް މަގުފަހިކުރުމަށް ޓަކައި ރާވައިގެން އެއިން ކޮންމެ ފަރާތަކުން ހުށަހަޅާ ކޮންމެ ބީލަމަކީ ވެސް އެއްފަރާތް އަނެއް ފަރާތާ ނުގުޅި ހުށަހެޅި ސައްހަ ބީލަންތަކެއްގެ ގޮތުގައި ދެއްކުމަށް ޓަކައި، އެކަށީގެންނުވާ ބޮޑު އަގުތަކެއް ނުވަތަ ރާވައިފައިވާ ގޮތުގެ މަތީން ކުޑަ އަގުތަކެއް ހުށަހެޅުން.

(ބ) ވާދަވެރި ބީލަމެއްކަން ދެއްކުމުގެގޮތުން ތަފާތު މީސްމީހުންގެ ނަމުގައި ނުވަތަ ކުންފުނިތަކުގެ ނަމުގައި ނުވަތަ ޕާޓްނަރށިޕެއްގެ ނަމުގައި ނުވަތަ އެ ނޫން ވެސް ވިޔަފާރިކުރާ ތަނެއްގެ ނަމުގައި، އެއްފަރާތަކުން ބީލަން ހުށަހެޅުން.

(ޅ) ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދެ ފަރާތަކުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކަކުން ހުށަހަޅައިފައިވާ ބީލަމެއް އަނބުރާ ގެންދިޔުމާއި، ވަކި ފަރާތަކަށް ނަހަމަ ފައިދާތަކެއް ލިބޭގޮތަށް ރާވައިގެން ބީލަން ހުށަހެޅުމާއި، އެފަދަ އެއްބަސްވުމެއްގައި ބައިވެރިވުން.

(ކ) ބީލަން ހުށަހަޅާ ފަރާތުން އަމިއްލައަށް ނުވަތަ އެހެން ބަޔަކާ ގުޅިގެން، ރޭވުމެއްގެ ދަށުން އެކި ފަރާތްތަކުގެ މެދުގައިވާ ތަބައީ ވާދަވެރިކަން ނައްތައިލުމަށް މަސައްކަތްކުރުމާއި ނުވަތަ ވާދަވެރިކަން ކުޑަކުރުމަށް މަސައްކަތްކުރުމުގެ ނަތީޖާއެއްގެގޮތުން އާންމުންނަށް ލިބެންވީ ފައިދާއަށް އުނިކަން ލިބުން.

(އ) ބީލަމެއްގެ ކޮންޓްރެކްޓުގައި ސޮއިކުރުމަށް އިންކާރުކުރުން ނުވަތަ ބިޑް ވެލިޑިޓީގެ މުއްދަތަކާމެދު އެއްބަސްވެ ހުށަހެޅޭ ބީލަންތަކުގައި ބީލަންފޮތުގައި ނުވަތަ ބީލަމުގެ އިއުލާނުގައި ޕަރފޯމަންސް ސެކިއުރިޓީ ހުށަހެޅުމަށް ބަޔާންކޮށްފައިވާ ހިނދެއްގައި އެ ސެކިއުރިޓީ ހުށަހެޅުމަށް އިންކާރުކުރުން.

(ވ) އަމިއްލަ ބާރުގެ ދަށުގައި ނުވާ ކަމެއް (ގުދުރަތީގޮތުން ދިމާވާ ކަމެއް) މެދުވެރިވެގެން ނޫން ގޮތަކަށް ކޮންޓްރެކްޓުގެ ދަށުން ކޮންމެހެން ކުރަންޖެހޭ ކަމެއް ފުރިހަމަނުކޮށް ދޫކޮށްލުން.

(މ) ކޮންޓްރެކްޓެއް ނުވަތަ ސަބްކޮންޓްރެކްޓެއް ހޯދުމުގެގޮތުން ސައްހަނޫން ލިޔެކިޔުން ހުށަހެޅުން ފަދަ އަމަލެއް ހިންގުން.

(ފ) ބީލަމަކާ ގުޅިގެން ކޮންޓްރެކްޓަރު އަމަލުކުރުމަށް ކަނޑައަޅައިފައިވާ ގޮތާ ހިލާފަށް އަމަލުކުރުމާއި، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައިވާ ގޮތުގެ މަތީން އަމަލުކުރުމަށް އަންގާ އެންގުންތަކަށް އަމަލުނުކުރުން.

(ދ) ކޮންޓްރެކްޓާ ހަވާލުވެފައި މަސައްކަތް ވަކިހިސާބަކަށް ގެންދިޔުމަށްފަހު، އެ ކޮންޓްރެކްޓެއް ދޫކޮށްލުން.

(ތ) ކޮންޓްރެކްޓުގައި ސޮއިކުރުމަށްފަހު، މަސައްކަތް ނުފަށައި އެ ކޮންޓްރެކްޓް ދޫކޮށްލުން.

(ލ) ބީލަން ކާމިޔާބުކުރާ ފަރާތުން އަމަލުކުރުމަށް ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 10.28 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ ކޮންޓްރެކްޓަރަކު އަމަލުނުކުރުން.

(ގ) އުމްރާނީ ތަރައްގީއާ ގުޅޭ މަސައްކަތްތަކުގައި އެއްބަސްވެފައިވާ ތާވަލާ އެއްގޮތަށް ކޮންޓްރެކްޓަރު މަސައްކަތް ކުރިޔަށް ނުގެންދިޔުން.

(ޏ) ޕްރޮކިއުމަންޓް އެޕީލް ބޯޑުން ބަލަމުންދާ މައްސަލައެއްގެ ތެރެއިން މި މާއްދާގެ (ހ) އިން ފެށިގެން (ގ) ގެ ނިޔަލަށް ހިމެނޭ ކަންކަމާއި އަދި/ނުވަތަ ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 11.12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އެހެން ގައުމަކުން ނުވަތަ ދައުލަތަށް އެހީދޭ ފަރާތަކުން ނުވަތަ ލޯނުދޭ ފަރާތަކުން ސަސްޕެންޑްކޮށްފައިވާ ފަރާތެއްކަން ފާހަގަކުރެވުން.

 

5 ވަނަ މާއްދާ - ފިޔަވަޅުއެޅުމުގެ ކުރިން ބޯޑުން އަމަލުކުރަންޖެހޭ ކަންކަން

މި އުސޫލުގެ 4 ވަނަ މާއްދާއާ ގުޅިގެން ބީލަމުގައި ބައިވެރިވި ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކޮށް ސަސްޕެންޑުކުރުމުގެ ކުރިން، އަންނަނިވި ކަންކަން ބޯޑުން ކުރަންވާނެއެވެ.

(ހ) ބީލަމުގައި ބައިވެރިވި ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކޮށް ސަސްޕެންޑްކުރަންޖެހޭ ސަބަބާއި، އެކަމާ ގުޅޭގޮތުން ދެވެންހުރި މައުލޫމާތު އެ ފަރާތާ ހިއްސާކުރުން.

(ށ) ބީލަމުގައި ބައިވެރިވި ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކޮށް ސަސްޕެންޑްކުރުމުގެ ކުރިން އެ ފަރާތަކަށް ޖަވާބުދާރީވުމަށް، ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަހުގެ މުއްދަތެއް ދިނުން.

(ނ) ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކޮށް ސަސްޕެންޑްކުރުމުގެ ކުރިން، ހުށަހެޅިފައިވާ މައްސަލަ ބަލައި ދިރާސާކުރުން.

(ރ) މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަކާ ގުޅިގެން ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކޮށް މައްޗަށް ބިނާކޮށް މަދަނީ މިންގަނޑުން ސާބިތުވާކަމަށް ކަނޑައެޅުން.

 

6 ވަނަ މާއްދާ - ޖޫރިމަނާއާއި ސަސްޕެންށަނާ ގުޅޭ ނިންމުންތައް ބޯޑުން އަލުން ބެލުން

(ހ) ބޯޑުން ނިންމައިފައިވާ ނިންމުމެއް އަލުން ބެލޭނީ، މައްސަލައިގައި ހިމެނޭ ފަރާތަކުން މިނިސްޓަރަށް ހުށަހެޅުމުން، އެ މައްސަލައަކީ އަލުން ބަލަންޖެހޭ ފަދަ މައްސަލައެއްކަމަށް މިނިސްޓަރަށް ފާހަގަވާ ނަމަ، އެ މައްސަލަ ބަލައިދިނުމަށް އެދި ބޯޑަށް ހުށަހެޅުމުން، މައްސަލައިގެ ތަބީއަތަށް ރިއާޔަތްކުރުމާއެކު، އެ މައްސަލައަކީ ކަނޑައެޅިގެން ގާނޫނާއި ގަވާއިދު އެއްފަރާތްކޮށް، ގާނޫނާ ހިލާފު ނިންމުމަކަށް ވުމުގެ ސަބަބުން ނުވަތަ މައްސަލަ ނިންމާ ފަހުން އައު ހެކި ލިބިއްޖެ ނަމަ އެ ހެއްކަށް ރިއާޔަތްނުކުރުމުގެ ސަބަބުން ނުވަތަ އެ ނޫން ވެސް އެހެން ސަބަބަކާ ހުރ،ެ ފާޅުކަން ބޮޑު ބޭއިންސާފެއް ފެންނަން އޮންނަ ހާލަތުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ބޯޑުން ނިންމައިފައިވާ ނިންމުމެއް އަލުން ބަލައިދިނުމަށް އެދެވޭނީ، ބޯޑުގެ ނިންމުން އެ ފަރާތަކަށް އަންގާ ތާރީހުން ފެށިގެން ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ. އަދި އެ މުއްދަތުގެ ފަހުން ހުށަހަޅާ އެއްވެސް މައްސަލައެއް ބަލައެއް ނުގަނެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައްސަލައެއް އެއްވެސް ފަރާތަކުން ހުށަހެޅޭނީ، ކަމާ ގުޅޭ ތަފުސީލުތައް ބަޔާންކޮށް، ލިޔުމުންނެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން، އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ މައްސަލައެއްގައި، އެ ނިންމުމަކީ އަލުން ބެލޭނެ ނިންމުމެއް ނޫންކަމަށް ބޯޑުން ކަނޑައަޅައިފި ނަމަ، އެއީ އެކަމާ ގުޅޭ އެންމެ ފަހުގެ ނިންމުންކަމުގައި ބެލޭނެއެވެ. އަދި އެފަދަ މައްސަލައެއް އަލުން ހުށައެއް ނޭޅޭނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން އަލުން މައްސަލައެއް ބެލޭނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސ،ް އެފަދަ މައްސަލައެއް ބޯޑުގެ އަމިއްލަ އިސްނެގުމަކަށް ނުބެލޭނެއެވެ.

 

7 ވަނަ މާއްދާ - ޖޫރިމަނާކުރާ ފަރާތްތަކާއި ސަސްޕެންޑްކުރާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުން

ދައުލަތުގެ ޕްރޮކިއުމަންޓްތަކުގައި ބައިވެރިނުވެވޭގޮތަށް ސަސްޕެންޑްކުރާ ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނާއި ޖޫރިމަނާކުރެވޭ ފަރާތްތަކުގެ މައްޗަށް ފިޔަވަޅުއެޅުނުކަން، އެ ފިޔަވަޅު އެޅުމަށްފަހު، ސަރުކާރު ބަންދު ނޫން 1 (އެކެއް) ދުވަހުގެ ތެރޭގައި އެ ފަރާތަކަށް އަންގަންވާނެއެވެ. އަދި މި އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާތުތައް ފުރިހަމަވުމުން، އެ ފަރާތުގެ ނަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށް ފެންނަން ހުންނަ ލިސްޓެއްގެ ގޮތުގައި ށާއިއުކުރަންވާނެއެވެ. އެގޮތުން ސަސްޕެންށަނުން ވީއްލޭ ފަރާތްތަކާއި ޖޫރިމަނާ ދައްކައިފައިވާ ފަރާތްތައް އެ ލިސްޓުން އުނިކުރެވޭނީ، މި އުސޫލުގެ 9 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ މުއްދަތުތައް ހަމަވުމުންނެވެ.

 

8 ވަނަ މާއްދާ - މައްސަލަތަކުގެ ކުޑަބޮޑުމިން ކަނޑައެޅުމުގައި ބަލާނެ ކަންކަން

(ހ) މައްސަލަތައް ނިންމުމުގައި އަޅާ ފިޔަވަޅުތައް އިތުރުކުރެވޭނީ އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައެވެ.

  1. މި އުސޫލުގެ ދަށުން ފިޔަވަޅުއަޅައިފައިވާ މިންވަރު؛
  2. މަސްއޫލުވާ ފަރާތްތަކުގެ ދައުރު؛
  3. ބޭނުންކޮށްފައިވާ އުކުޅުތަކުގެ ކުޑަބޮޑުމިން (ސޮފިސްޓިކޭޓެޑް މީންސް)؛
  4. މައްސަލައާ ގުޅިގެން ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައިވުން؛
  5. މައްސަލައިގެ ބާވަތުން އާންމު ރައްޔިތުންނަށް ވާ ގެއްލުން؛ 
  6. މައްސަލައިގެ ސަބަބުން ޕްރޮޖެކްޓް ހިންގުމަށް ކުރާ އަސަރު؛
  7. މައްސަލައަށް ޖަވާބުދާރީނުވުން / އެއްބާރުލުން ނުދިނުން.

(ށ) މައްސަލަތައް ނިންމުމުގައި އަޅާ ފިޔަވަޅުތައް ކުޑަކުރެވޭނީ، އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައެވެ.

  1. އެފަދަ ކުށްތައް ތަކުރާރުނުވާނެ ފަދަ ގޮތަކަށް މައްސަލަ ރައްދުވާ ފަރާތުގެ އުސޫލުތަކަށް ގެނެސްފައިވާ ބަދަލު؛
  2. މައްސަލައާ ގުޅިގެން ޒިންމާ އުފުލަންޖެހޭ މުވައްޒަފުންނަށް އަޅައިފައިވާ ފިޔަވަޅުތައް؛
  3. ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު އަނބުރާ ދިނުން ނުވަތަ ގެއްލުން ފޫބައްދައިދިނުން؛
  4. މައްސަލަ ރައްދުވާ ފަރާތުން އެތެރޭގެ ތަހުގީގެއް (އިންޓަރނަލް އިންވެސްޓިގޭށަން) ހިންގައި ފައިވާ ނަމަ އޭގެ ތަފުސީލު ހިއްސާކުރުން؛
  5. މައްސަލަ ބެލުމުގެ އިޖުރާތުތައް ހިންގުމުގެ މަރުހަލާގައި އެއްބާރުލުން ދީފައިވާ މިންވަރު؛
  6. ކުށަށް އިއުތިރާފުވެ ޒިންމާ އުފުލުމާއި، އެފަދަ ކަމެއް ތަކުރާރުނުކުރުމަށް އިގްރާރުވުން.

 

9 ވަނަ މާއްދާ - ބީލަންވެ ރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް ފިޔަވަޅުއެޅުން

މި އުސޫލުގެ 4 ވަނަ މާއްދާގައިވާ ކަމަކާ ގުޅިގެން ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް އެޅޭނެ ފިޔަވަޅ،ު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ޖޫރިމަނާކުރުން

  1. ހުށަހެޅޭ މައްސަލައަކީ މައްސަލަ ރައްދުވާ ފަރާތާ ދެކޮޅަށް ހުށަހެޅޭ ފުރަތަމަ މައްސަލަކަމުގައި ވާ ނަމަ، މައްސަލައިގެ ބާވަތަށާއި ކުޑަބޮޑުމިނަށް ބަލައި، މި އުސޫލުގެ 4 ވަނަ މާއްދާގެ (ޅ) އާއި (އ) އާއި (ފ) އާއި (ތ) އާއި (ލ) ގެ ހާލަތްތަކަށް ފެތޭ މައްސަލަތަކުގައި ބޯޑަށް ފެންނަ ނަމަ، ބީލަމުގެ ޖުމުލަ އަގުގެ %2.5 (ދޭއް ޕޮއިންޓް ފަހެއް އިންސައްތަ) އިން ޖޫރިމަނާ ކުރެވިދާނެއެވެ.
  2. ޖޫރިމަނާވި ފަރާތަށް، ދައުލަތުން ހުޅުވައިލާ އިތުރު ބީލަމެއްގައި ބައިވެރިވެވޭނީ އެ ޖޫރިމަނާއެއް ދައްކައި ހަލާސްކުރުމަށްފަހުގައެވެ.

(ށ) ސަސްޕެންޑްކުރުން

  1. ސަސްޕެންޑްކުރެވޭ މައްސަލަތަކުގައި މައްސަލަ ރައްދުވާ ފަރާތުން އެއްވެސް ސެކިއުރިޓީއެއް ނަގައި ފައިވާ ނަމަ، އެ ފައިސާ ހިފަހައްޓައި ސަސްޕެންޑްކުރުން
  2. މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކަށް ފެތޭ މައްސަލަތަކުގައި ބޯޑަށް ފެންނަ ނަމަ ސަސްޕެންޑްކުރާނީ، މި އުސޫލުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލައި، އަންނަނިވި ގޮތަށެވެ.

    2.1 ފުރަތަމަ ފަހަރު - 3 (ތިނެއް) މަސްދުވަހާއި 1 (އެކެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަށް ސަސްޕެންޑްކުރުން.

    2.2 ދެވަނަ ފަހަރު – 2 (ދޭއް) އަހަރުދުވަހާއި 3 (ތިނެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަށް ސަސްޕެންޑްކުރުން (އެންމެ ފަހުން ސަސްޕެންޑްކުރެވޭ މުއްދަތު ނިމޭ ތާރީހުން ފެށިގެން 3 އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި އިތުރު މައްސަލައެއް ރައްދުވާ ފަރާތާ ދެކޮޅަށް ނިމިއްޖެ ނަމަ)

    2.3 އިތުރަށް ކޮށްފި ނަމަ - 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ސަސްޕެންޑްކުރުން (އެންމެ ފަހުން ސަސްޕެންޑްކުރި މުއްދަތު ނިމޭ ތާރީހުން ފެށިގެން 3 އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި އިތުރު މައްސަލައެއް ރައްދުވާ ފަރާތާ ދެކޮޅަށް ނިމިއްޖެ ނަމަ)

 

10 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އިބާރާތެއް ހިމަނައިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މި އުސޫލުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާނަޔާ އެއްގޮތްވާ ގޮތުގެ މަތީން ނުވަތަ ތިރީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) "ބޯޑު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 3-46 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވ،ާ ބީލަމުގެ މައްސަލައެއް އަލުން ބަލައިދިނުމަށް އެދި ހުށަހެޅުމުން، އެ މައްސަލަތައް ބެލުމަށާއި، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 11.11 ވަނަ މާއްދާގައި ބަޔާންކޮށްފައިވ،ާ ބީލަންވެރީންނާއި ސަޕްލަޔަރުން ސަސްޕެންޑްކުރުމަށް މިނިސްޓްރީގައި ގާއިމުކޮށްފައިވާ "ޕްރޮކިއުމަންޓް އެޕީލް ބޯޑު" އަށެވެ.

(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

 

11 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

(ހ) މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި އުސޫލަށް އަމަލުކުރަން ފަށާއިރު، ބީލަމުގެ މައްސަލައަކާ ގުޅިގެން އެ ބީލަމުގައި ބައިވެރިވި ފަރާތެއް ނުވަތަ ސަޕްލަޔަރެއް ދައުލަތުގެ ޕްރޮކިއުމަންޓުތަކުގައި ބައިވެރިނުވެވޭގޮތަށް ސަސްޕެންޑްކޮށްދިނުމަށް ނުވަތަ އެ ނޫން ވެސް ފިޔަވަޅެއް އަޅައިދިނުމަށް އެދި ދައުލަތުގެ އޮފީހަކުން ފޮނުވައިފައިވާ ނަމަ، މި އުސޫލާ އެއްގޮތަށް އެ މައްސަލައެއް ކުރިޔަށް ގެންދެވޭނެއެވެ.

(ނ) މި އުސޫލުގައި ބަޔާންކޮށްފައި ނެތް ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއް ނިންމާނީ، މި އުސޫލާއި ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ ހިލާފުނުވާ ގޮތުގެ މަތީން، ޕްރޮކިއުމަންޓް އެޕީލް ބޯޑުންނެވެ.

 

މައި ގާނޫނާއި ގަވާއިދު

  1. މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03)
  2. މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-158)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު