ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު
(ގާނޫނު ނަންބަރު 2021-21)
(މި ގާނޫނަށް އަމަލުކުރަން ފެށީ 18 ނޮވެމްބަރު 2021 ގައި)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގައި ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާއި ކުއްޔަށްހިފުމާ ގުޅޭގޮތުން ކުއްޔަށްހިފާ ފަރާތާއި، ކުއްޔަށްދޭ ފަރާތުގެ ހައްގުތަކާއި އިލްތިޒާމްތައް ބަޔާންކުރުމާއި، ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިން ގަނޑުތައް ކަނޑައެޅުމާއި، ކުލީގެ މުއާމަލާތްތަކާ ގުޅިގެން އުފެދޭ ދެބަސްވުންތައް ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ "ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - ގާނޫނުގެ މަގްސަދު
މި ގާނޫނުގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ކުއްޔަށްހިފާ ފަރާތުގެ ހައްގުތައް ބަޔާންކުރުން؛
(ށ) ކުއްޔަށްދޭ ފަރާތުގެ ހައްގުތައް ބަޔާންކުރުން؛
(ނ) ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުން؛
(ރ) ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމުގައި އަމަލުކުރަންޖެހޭނެ އުސޫލުތައް ކަނޑައެޅުން؛
(ބ) ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނާއި، އެ ތަންތަނުގެ ކުއްޔާއި، އެ ތަންތަނުގެ ހާލަތާ ގުޅިގެން، ނުވަތަ އެނޫންވެސް ކަމަކާ ގުޅިގެން އުފެދޭ މައްސަލަތަކާއި ށަކުވާތައް އަވަސް ގޮތެއްގައި ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން.
3 ވަނަ މާއްދާ - ގާނޫނު ހިންގޭ ދާއިރާތައް
މި ގާނޫނު ހިންގޭނީ އަންނަނިވި މައިގަނޑު 2 (ދޭއް) ދާއިރާއަށެވެ.
(ހ) ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމުގައި އަމިއްލަ ފަރާތްތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކުގެ މައްޗަށް؛ އަދި
(ށ) ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ މަށްރޫއުތަކުގެ ދަށުން އެކި ފަރާތްތަކާ ހަވާލުކުރެވޭ ތަންތަނާގުޅޭ މުއާމަލާތްތަކުގެ މައްޗަށް.
4 ވަނަ މާއްދާ - ގާނޫނުން އިސްތިސްނާވާ ފަރާތްތައް
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އަންނަނިވި ތަންތަން އިސްތިސްނާވާނެއެވެ.
(ހ) ޓޫރިސްޓް ހޮޓާތަކާއި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް ހާއްސަކޮށްފައިވާ ގެސްޓްހައުސްފަދަ ތަންތަން؛
(ށ) ރިޒޯޓުތަކުގައި ނުވަތަ ހޮޓާތަކާއި ގެސްޓްހައުސްތަކުގެ ހިދުމަތުގައި އުޅޭ މީހުން ތިބުމަށާއި، ވަޒީފާދޭ ފަރާތުން އެފަރާތުގެ މުވައްޒަފުން ތިބުމަށް ހާއްސަކޮށްފައިވާ ސްޓާފް އެކޮމަޑޭށަންފަދަ ތަންތަން؛
(ނ) ކޮލެޖުތަކާއި ޔުނިވަރސިޓީފަދަ ތަންތަނުން އެ ތަންތަނުގެ ދަރިވަރުން ތިބުމަށް ހާއްސަކޮށްފައިވާ ދަނާލުފަދަ ތަންތަން؛
(ރ) ދުވަހު ކުއްޔަށް ކޮޓަރި ކުއްޔަށްދޭ ތަންތަން؛
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ތަންތަނުގެ އިތުރަށް ދިރިއުޅުން ނޫން ބޭނުމަކަށް ކުއްޔަށްދޭ ބިމާއި، އިމާރާތްތަކާއި އެފަދަ އެހެނިހެން ތަންތަން.
ދެވަނަ ބާބު
ގާނޫނު ހިންގުން
5 ވަނަ މާއްދާ - ގާނޫނު ތަންފީޛުކުރުން
މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޛުކުރާނީ މިނިސްޓަރެވެ.
6 ވަނަ މާއްދާ - މިނިސްޓަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް
(ހ) މި ގާނޫނުގެ ދަށުން މިނިސްޓަރު އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
- މި ގާނޫނު ތަންފީޛުކުރުމަށްޓަކައި، ވަކި ގޮތަކަށް މި ގާނޫނުގައި ކަނޑައަޅާފައިނުވާ އެންމެހައި ކަންކަން ކުރުމުގެ އިންތިޒާމް ހަމަޖެއްސުން؛
- ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމުގެ ކަންކަން ދިވެހިރާއްޖޭގައި ހުރިނެތްގޮތުގެ މައްޗަށް ކޮންމެ އަހަރަކު 1 (އެކެއް) ފަހަރު ރިޕޯޓެއް ތައްޔާރުކޮށް، އާންމުކުރުން؛
- ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުން؛
- ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ކޮންމެ ތަނެއްގައި އަކަފޫޓުގެ ނިސްބަތުން އެންމެ ގިނަވެގެން ދިރިއުޅެވޭނެ މީހުންގެ އަދަދު ކަނޑައެޅުން؛
- ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް ހިފަހައްޓަމުންދާކަން ކަށަވަރުކުރުމަށްޓަކައި ގަވާއިދުން އެ ތަންތަން އިންސްޕެކްޓްކުރާނެ ގޮތް ކަނޑައެޅުން؛
- ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތަކާ ހިލާފަށް ހުންނަ ތަންތަނާމެދު އަމަލުކުރާނެ ގޮތް ކަނޑައެޅުން؛
- ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނާ ގުޅިގެން ހުށަހެޅޭ ށަކުވާތައް ބަލައި ފިޔަވަޅު އަޅާނެ ނިޒާމެއް އެކުލަވާލުން؛
- ދިވެހިރާއްޖޭގައި ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނާއި އެ ތަންތަނުގެ ކުއްޔަށް އަންނަ ބަދަލުތައް ދިރާސާކުރުން؛
- ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ފަރާތްތަކާއި ކުއްޔަށްހިފާ ފަރާތްތަކުގެ މަސްލަހަތުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ދައުލަތުގެ އިދާރާތަކާ ގުޅިގެން ޕްރޮގްރާމްތައް ހިންގުން؛
- މި ގާނޫނުގެ ދަށުން ކައުންސިލްތަކާ ހަވާލުކުރާ މަސްއޫލިއްޔަތުތައް ތަންފީޛުކުރާގޮތް ބަލައި އިރުށާދުދިނުން؛
- މި ގާނޫނު ތަންފީޛުކުރުމުގެ ގޮތުން ދޭ ހިދުމަތްތަކާ ގުޅިގެން ފީ ނަގާނެ އުސޫލު ކަނޑައެޅުން.
(ށ) މި ގާނޫނު ހިންގައި ތަންފީޛުކުރުމަށާއި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.
7 ވަނަ މާއްދާ - ލާމަރުކަޒީ އުސޫލުން ހިދުމަތްދިނުން
މި ގާނޫނު ތަންފީޛުކޮށް، ކައުންސިލްތަކާ ގުޅިގެން ވިލަރެސްކޮށް ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ލާމަރުކަޒީ އުސޫލުން މި ގާނޫނު ތަންފީޛު ކުރެވޭނެގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހިމަނައި އެކަންކަމުގެ އިންތިޒާމް މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.
ތިންވަނަ ބާބު
ކުއްޔަށްދޭ ތަންތަން ދަފުތަރުކުރުމާއި ހުއްދަ ހޯދުން
8 ވަނަ މާއްދާ - ކުއްޔަށްދިނުމުގެ ހުއްދަ ހޯދުން
(ހ) މި ގާނޫނު ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ އެއްވެސް ތަނެއް ދިރިއުޅުމަށްޓަކައި ކުއްޔަށްދެވޭނީ، މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ
އެއްގޮތްވާ ގޮތުގެމަތިން ކުއްޔަށްދިނުމުގެ ހުއްދައަށް އެދި ސިޓީއެއްގައިނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް، އަދި ރަށެއްގައިނަމަ އެ ރަށެއްގެ ރަށު ކައުންސިލަށް ހުށަހަޅައި، ކުއްޔަށްދިނުމުގެ ހުއްދަ ހޯދައި، ކުއްޔަށްދޭ ތަނެއްގެ ގޮތުގައި އެ ތަނެއް ދަފުތަރުކުރުމަށް ފަހުގައެވެ.
(ށ) ކުއްޔަށްދިނުމުގެ ހުއްދަނެތި އެއްވެސް ތަނެއް ދިރިއުޅުމަށްޓަކައި ކުއްޔަށްދިނުމަކީ މަނާކަމެކެވެ.
9 ވަނަ މާއްދާ - ކުއްޔަށްދިނުމުގެ ހުއްދަ ދިނުމުގައި ކަށަވަރުކުރަންޖެހޭ ކަންތައްތައް
މި ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުއްޔަށްދިނުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، އެ ހުއްދަ ދިނުމުގައި ކައުންސިލްތަކުން އަންނަނިވި ކަންތައްތައް ކަށަވަރުކުރަންވާނެއެވެ.
(ހ) ކުއްޔަށްދިނުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވަނީ، ކުއްޔަށްދިނުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ތަނުގެ ވެރިފަރާތުންކަން ނުވަތަ އެ ތަނުގެ ވެރިފަރާތުން ހުއްދަ ދީފައިވާ އެހެން ފަރާތަކުންކަން؛
(ށ) ކުއްޔަށްދިނުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ތަނަކީ ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެކަމަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް ފުރިހަމަވެފައިވާ ތަނެއްކަން.
10 ވަނަ މާއްދާ - ކުއްޔަށްދޭ ތަންތަނުގެ ދަފުތަރު
(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ދިރިއުޅުމަށްޓަކައި ކުއްޔަށްދިނުމަށް ހުއްދަދޭ އެންމެހައި
ތަންތަނުގެ ދަފުތަރެއް، އަންނަނިވި ގޮތުގެމަތިން ބަލަހައްޓަންވާނެއެވެ.
- ސިޓީއެއްގައިނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލުން އަދި ރަށެއްގައިނަމަ އެ ރަށެއްގެ ރަށު ކައުންސިލުން ކުއްޔަށްދިނުމުގެ ހުއްދަ ދިނުމަށްފަހު، އެ ސިޓީއެއްގައި ނުވަތަ އެ ރަށެއްގައި ކުއްޔަށްދިނުމަށް ހުއްދަ ދޫކޮށްފައިވާ އެންމެހައި ތަންތަނުގެ ދަފުތަރެއް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ކައުންސިލްތަކުން ބެލެހެއްޓުން؛
- މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، މުޅި ދިވެހިރާއްޖޭގައި ދިރިއުޅުމަށްޓަކައި ކުއްޔަށްދިނުމަށް ހުއްދަ ދޫކޮށްފައިވާ ތަންތަނުގެ ދަފުތަރެއް މިނިސްޓްރީން ބެލެހެއްޓުން.
(ށ) މި ގާނޫނުގެ ދަށުން ދިރިއުޅުމަށްޓަކައި ކުއްޔަށްދިނުމުގެ ހުއްދަ ދިނުމަށްފަހު، އެ ހުއްދަދޭތާ މަދުވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ހުއްދަދޫކުރި ކައުންސިލަކުން އެކަން މިނިސްޓްރީއަށް އަންގަންވާނެއެވެ.
(ނ) ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގެ ގޮތުގައި ދަފުތަރުކުރެވިފައިވާ ތަންތަން ބެލުމަށް ބޭނުންވާ ކޮންމެ މީހަކަށް އިންޓަރނެޓްގެ ޛަރީއާއިން ފަސޭހަކަމާއެކު އެ މައުލޫމާތު ބެލޭނެ އިންތިޒާމެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.
(ރ) މުޅި އިމާރާތަކީ ކުއްޔަށްދޭ ތަނެއްގެ ގޮތުގައި ދަފުތަރުވެފައިވާ ތަނެއްކަމުގައި ނުވާނަމަ، އަދި އިމާރާތުން ކުއްޔަށްދެވެނީ ވަކި ބައިތަކެއް ނުވަތަ ވަކިވަކި ފަންގިފިލާތަކެއްކަމަށްވާނަމަ، މި ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ތަންތަނަކީ ކުއްޔަށްދޭ ތަންތަނުގެ ގޮތުގައި ވަކިވަކިން ދަފުތަރުކުރަންވާނެއެވެ.
11 ވަނަ މާއްދާ - ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް
(ހ) މި ގާނޫނުގެ ދަށުން ކުއްޔަށްދޭ އެންމެހައި ތަންތަނުގައި އަންނަނިވި އަސާސީ މިންގަނޑުތައް ފުރިހަމަވާންވާނެއެވެ.
- ފެނާއި، ނަރުދަމާއާއި ކަރަންޓުގެ ހިދުމަތް ލިބުމުގެ ވަސީލަތްތައް ދައުލަތުގެ ކަމާގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑަށް ގާއިމުވެފައިވުން؛
- ކުއްޔަށްދޭ ތަނަކީ އިމާރާތެއް ނުވަތަ އިމާރާތެއްގެ ބައެއްނަމަ، އެހެން އިމާރާތެއްގެ ބައެއް ބޭނުންކުރުމެއްނެތި އަދި އުނދަގޫކަމެއްނެތި އެ ތަނަށް ވަކިން ވަދެނިކުމެވޭފަދަ އިންތިޒާމެއް ހަމަޖެހިފައިވުން؛
- ކުއްޔަށްދޭ ތަނަކީ އިމާރާތެއްނަމަ، ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ އިމާރާތެއް ނުވަތަ އިމާރާތެއްގެ ބަޔަކަށްވުން؛
- އެ ތަނެއްގައި ނިދައި ކައިބޮއި ހެދޭގޮތަށް ފަރުމާކުރެވިފައި ހުރުން.
(ށ) މި ގާނޫނުގެ ދަށުން ކުއްޔަށްދޭ އެންމެހައި ތަންތަނުގައި ފުރިހަމަވާންޖެހޭނެ އަސާސީ މިންގަނޑުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ.
ހަތަރުވަނަ ބާބު
ކުއްޔަށްދިނުމާއި، ކުލީގެ އެއްބަސްވުން
12 ވަނަ މާއްދާ - ކުއްޔަށްދޭ ފަރާތް
(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި ކުއްޔަށްދޭ ފަރާތަކީ، އިމާރާތުގެ ވެރިފަރާތް ނުވަތަ އިމާރާތުގެ ވެރިފަރާތުން ކުއްޔަށްދިނުމުގެ ހުއްދަދީފައިވާ ކޮންމެ ފަރާތެކެވެ.
(ށ) އެއް ފަރާތަށްވުރެ ގިނަ ފަރާތް ގުޅިގެން ކުއްޔަށްދޭ ތަން ކުއްޔަށްދޭ ހާލަތުގައި، މި ގާނޫނުގެ ބޭނުމަށްޓަކައި އެ ހުރިހާ ފަރާތްތައް އެކުގައި ބެލެވޭނީ ކުއްޔަށްދޭ ފަރާތްކަމުގައެވެ.
13 ވަނަ މާއްދާ - ކުއްޔަށްހިފާ ފަރާތް
(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި ކުއްޔަށްހިފާ ފަރާތަކީ، ކުލީގެ އެއްބަސްވުމެއްގެ ދަށުން ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަނެއް ކުއްޔަށްހިފާ ފަރާތެވެ.
(ށ) އެއް ފަރާތަށްވުރެ ގިނަ ފަރާތް ގުޅިގެން ކުއްޔަށްހިފާ ތަން ކުއްޔަށްހިފާ ހާލަތުގައި، މި ގާނޫނުގެ ބޭނުމަށްޓަކައި އެ ހުރިހާ ފަރާތްތައް އެކުގައި ބެލެވޭނީ ކުއްޔަށްހިފާ ފަރާތްކަމުގައެވެ.
14 ވަނަ މާއްދާ - ކުލީގެ އެއްބަސްވުމުގައި ސޮއިކުރުން
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި 6 (ހައެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ދިރިއުޅުމަށްޓަކައި އެއްވެސް ތަނެއް ކުއްޔަށްދެވޭނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގައި، ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތުން 2 (ދޭއް) ހެކިންގެ ހާޒިރުގައި ސޮއިކުރުމަށްފަހުގައެވެ.
(ށ) ކުލީގެ އެއްބަސްވުމުގައި ފުރިހަމަކުރުމަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ލާޒިމުކޮށްފައިވާ ކަންކަން އެ އެއްބަސްވުމުގައި ފުރިހަމަވާންވާނެއެވެ.
(ނ) މި މާއްދާގައިވާ ގޮތުގެމަތިން ކުލީގެ އެއްބަސްވުން އެކުލަވާލައި އެ އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ކުލީގެ އެއްބަސްވުމުގައި ސޮއިކޮށް ދިރިއުޅުމަށްޓަކައި ތަނެއް ކުއްޔަށްދީފައިވާކަން ސިޓީއެއްގައިނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ ރަށެއްގައިނަމަ އެ ރަށެއްގެ ރަށު ކައުންސިލަށް ކުއްޔަށްދޭ ފަރާތުން އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކުލީގެ އެއްބަސްވުމުގައި ސޮއިކޮށް، ދިރިއުޅުމަށްޓަކައި ތަނެއް ކުއްޔަށްދީފައިވާކަން ކައުންސިލްތަކަށް އެންގުމުގައި އަމަލުކުރާނެގޮތުގެ އުސޫލު، އެ ކައުންސިލްތަކުން އެކުލަވާލައި އާންމުކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ދިރިއުޅުމަށްޓަކައި ތަނެއް ކުއްޔަށްދީފައިވާކަން ކައުންސިލަށް އަންގާތާ މަދުވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ކައުންސިލުން އެކަން މިނިސްޓްރީއަށް އަންގަންވާނެއެވެ.
(ޅ) ކުލީގެ އެއްބަސްވުން އެކުލަވާލުމުގައި އެއްވެސް ހަރަދެއް ހިނގާނަމަ އެ ހަރަދަކަށް ޒިންމާވާންޖެހޭނީ ކުއްޔަށްދޭ ފަރާތުންނެވެ.
(ކ) ކުލީގެ އެއްބަސްވުމުގައި ކުއްޔަށްހިފާ ފަރާތުން ސޮއިކުރުމުގެ ކުރިން ކުއްޔަށްހިފާ ތަނާ ގުޅިގެން އެއްވެސް އިދާރާއެއްގައި އެއްވެސް މައްސަލައެއް ހުށަހެޅިފައިވާކަން ކުއްޔަށްދޭ ފަރާތަށް އެނގިފައިވާނަމަ އެކަމުގެ ފުރިހަމަ މައުލޫމާތު ކުއްޔަށްދޭ ފަރާތުން ކުއްޔަށްހިފާ ފަރާތަށް ދޭންވާނެއެވެ.
15 ވަނަ މާއްދާ - ކުލީގެ އެއްބަސްވުމުގައި ހިމަނަންޖެހޭ ކަންކަން
(ހ) މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުލީގެ އެއްބަސްވުމުގައި ތިރީގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ހިމަނަންވާނެއެވެ.
- ކުއްޔަށްދޭ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ދިރިއުޅޭ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު، އަދި ގުޅޭނެ ފޯނު ނަންބަރު (ކުއްޔަށްދޭ ފަރާތަކީ ވިޔަފާރިއެއްނަމަ ވިޔަފާރީގެ ރެޖިސްޓްރޭށަން ނަންބަރު)؛
- ކުއްޔަށްދޭ ތަނުގެ ވެރިފަރާތަކީ ކުއްޔަށްދޭ ފަރާތްނޫން އެހެން ފަރާތެއްނަމަ، ވެރިފަރާތުގެ މައުލޫމާތު؛
- ކުއްޔަށްދޭ ތަނަކީ ބިމެއްނަމަ، ގޯތީގެ ރެޖިސްޓްރޭށަން ނަންބަރު؛
- ކުއްޔަށްދޭ ތަނަކީ އިމާރާތެއްނަމަ އެ ތަން ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ މައުލޫމާތު؛
- ކުއްޔަށްދޭ ތަނުގެ ކުއްޔަށްދިނުމުގެ ހުއްދަ ނަންބަރާއި، ހުއްދަދީފައިވާ ތާރީހު؛
- ކުއްޔަށްދޭ ތަނުގެ އިމާރާތް ބޭނުންކުރުމުގެ ހުއްދަ ނަންބަރު؛
- ކުއްޔަށްހިފާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ދިރިއުޅޭ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު، އަދި ގުޅޭނެ ފޯނު ނަންބަރު (ކުއްޔަށްހިފާ ފަރާތަކީ ވިޔަފާރިއެއްނަމަ، ވިޔަފާރީގެ ރެޖިސްޓްރޭށަން ނަންބަރު)؛
- ކުއްޔަށްހިފާ ފަރާތަކީ ބިދޭސީއެއްނަމަ، އެފަރާތުގެ ވިސާ ނަންބަރު؛
- ކުއްޔަށްހިފާ ފަރާތަށާއި ކުއްޔަށްދޭ ފަރާތަށް ލިޔުންތައް ފޮނުވަންޖެހޭ އެޑްރެސް، ނުވަތަ އީމެއިލް އެޑްރެސް؛
- ކުއްޔަށްދޭ ތަނުގެ ބޮޑުމިން (އަކަފޫޓުން)؛
- ކުއްޔަށްދޭ ތަނުގެ ކުލި؛
- ކުއްޔަށްދޭ ތަނުގެ ކުލި ދައްކާނެ ގޮތް؛
- ކުއްޔަށްދޭ ތަނުގެ ކުލި ޖަމާކުރަންޖެހެނީ ބޭންކް އެކައުންޓަކަށްނަމަ، އެ އެކައުންޓުގެ ނަމާއި ނަންބަރު، އަދި އެކައުންޓް ހުޅުވާފައިވާ ބޭންކުގެ މައުލޫމާތު؛
- ކުލީގެ އެއްބަސްވުން ފެށޭ ތާރީހާއި ނިމޭ ތާރީހު، އަދި އެ އެއްބަސްވުމުގެ މުއްދަތު؛
- އެއްބަސްވުމުގެ ދަށުން ނޯޓިސް ފޮނުވަންޖެހޭ މުއްދަތުތައް؛
- ކުލީގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހު؛
- މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކުލީގެ އެއްބަސްވުމުގެ ދަށުން ސެކިއުރިޓީ ޑިޕޮޒިޓް ނެގުމަށް އެއްބަސްވާ ގޮތް؛
- ކުއްޔަށްދޭ ތަނުގެ އަސާސީ ހިދުމަތްތަކުގެ މީޓަރު ނަންބަރުތަކާއި އެފަދަ ހިދުމަތްތަކުގެ މައުލޫމާތު؛
- ކުލީގެ އެއްބަސްވުމުގެ ދަށުން ކުއްޔަށްހިފާ ފަރާތުގެ ހައްގުތަކާއި މަސްއޫލިއްޔަތުތައް؛
- ކުލީގެ އެއްބަސްވުމުގެ ދަށުން ކުއްޔަށްދޭ ފަރާތުގެ ހައްގުތަކާއި މަސްއޫލިއްޔަތުތައް؛
- ކުލީގެ އެއްބަސްވުމުގެ ދަށުން ކުއްޔަށްހިފާ ތަން އެހެން ފަރާތަކަށް ކުއްޔަށްދިނުމުގެ ހައްގު ކުއްޔަށްހިފާ ފަރާތަށް ލިބިގެންވާކަން ނުވަތަ ނޫންކަން؛
- ކުލީގެ އެއްބަސްވުމަށް ބަދަލު ގެނެވޭނެ ގޮތްތަކާއި އެއްބަސްވުން އާކުރުމުގައި އަމަލުކުރާނެ ގޮތް؛
- ކުލީގެ އެއްބަސްވުމާމެދު ހިލާފު އުފެދުމުން އަމަލުކުރާނެ ގޮތް؛
- ކުލީގެ އެއްބަސްވުން އުވާލެވޭނެ ހާލަތްތައް؛
- ކުލީގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނޯޓިސް ދޭންޖެހޭ މުއްދަތާއި ނޯޓިހާ ގުޅިގެން އަމަލުކުރާނެ ގޮތް؛
- ކުލީގެ އެއްބަސްވުން އުވާލެވުމުން ނުވަތަ ނިމުމަކަށް އައުމުން ކުއްޔަށްދޭ ތަން ހުސްކުރުމުގައި އަމަލުކުރާނެ ގޮތް؛
- ކުއްޔަށްދޭ ތަން ހުސްކޮށް ހަވާލުކުރާއިރު އެ ތަން ހުންނަންވާނެ ހާލަތު؛
- ކުއްޔަށްދޭ ތަން ރަހުނުކުރެވިފައިވާނަމަ އެކަން، އަދި އެ ތަނާގުޅޭ މައްސަލައެއް ހިނގަމުންދާނަމަ އެކަން؛
- ކުލީގެ އެއްބަސްވުމުގެ މުއްދަތުގައި އެ އެއްބަސްވުމުގެ ބައިވެރިއަކު މަރުވެއްޖެނަމަ އެ އެއްބަސްވުމާމެދު އަމަލުކުރާނެ ގޮތް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން އަންނަނިވި ލިޔުންތައް، ކުލީގެ އެއްބަސްވުމާއެކު އެ އެއްބަސްވުމުގެ ބައެއްގެގޮތުގައި ހިމަނަންވާނެއެވެ.
- ކުއްޔަށްދޭ ތަނުގެ ކުއްޔަށްދިނުމުގެ ހުއްދައިގެ ކޮޕީއާއި ކުއްޔަށްދިނުމަށްޓަކައި ދަފުތަރުކޮށްފައިވާކަމުގެ ލިޔުން؛
- ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ. (އެފަރާތަކީ ވިޔަފާރިއެއްނަމަ، ވިޔަފާރި ރަޖިސްޓަރީކޮށްފައިވާކަމުގެ ލިޔުން)؛
- ކުއްޔަށްހިފާ ފަރާތަކީ ބިދޭސީއެއްނަމަ އެފަރާތަކަށް ދޫކޮށްފައިވާ މުއްދަތުހަމަނުވާ ވިސާގެ ކޮޕީ، އަދި އެފަރާތަކީ ވަޒީފާއެއްގައި އުޅޭ ފަރާތެއްނަމަ ވަޒީފާގައި އުޅޭކަމުގެ ލިޔުން؛
- ކުއްޔަށްދޭ ފަރާތަކީ އިމާރާތުގެ ވެރިފަރާތްކަމުގައި ނުވާނަމަ، އިމާރާތުގެ ވެރިފަރާތުން ކުއްޔަށްދޭ ފަރާތަށް އިމާރާތް ކުއްޔަށްދިނުމަށް ހުއްދަދީފައިވާކަމުގެ ލިޔުން؛
- ކުއްޔަށްދޭ ތަނުގެ ތަކެތީގެ އިންވެންޓްރީ ލިސްޓު.
16 ވަނަ މާއްދާ - ކުލީގެ އެއްބަސްވުމުގައި ހިމެނުން މަނާ ކަންތައްތައް
ކުލީގެ އެއްބަސްވުމެއްގައި އަންނަނިވި ކަންތައްތައް ހިމަނައިގެން ނުވާނެއެވެ.
(ހ) ކުއްޔަށްދޭ ތަނުގައި ވަކި ގައުމަކަށް، ނުވަތަ ވަކި ސަރަހައްދަކަށް، ނުވަތަ ވަކި ނަސްލަކަށް، ނުވަތަ ވަކި ޖިންސަކަށް، ނުވަތަ ވަކި ފިކުރަކަށް ނިސްބަތްވާ ފަރާތެއް، ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ބެހެއްޓުން މަނާކުރާ މާއްދާއެއް؛
(ށ) ކުއްޔަށްދޭ ތަނުގައި ވަކި އުމުރެއްގެ ބަޔަކު ތިބުން މަނާކުރާ މާއްދާއެއް؛
(ނ) ކުއްޔަށްދޭ ތަނުގައި ދިރިއުޅޭ މީހުން ވަކި ވަގުތެއްގައި އިމާރާތަށް ވަދެނިކުމެހެދުން މަނާކުރާ މާއްދާއެއް؛
(ރ) ކުލީގެ އެއްބަސްވުން އުވާލާ ހާލަތުގައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ކުރުމަށް ހިނގާ ހަރަދުތަކާއި ކުއްޔަށްދޭ ތަނުގެ ހިދުމަތްތަކުގެ ބިލުތައް ދެއްކުންފަދަ ކަންކަން ފިޔަވައި ކުއްޔަށްދޭ ތަނުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮޒިޓްގެ އިތުރަށް، އިތުރު އެއްވެސް ފައިސާއެއް ކުއްޔަށްހިފާ ފަރާތުން ދައްކަންޖެހޭގޮތަށް ކަނޑައަޅާ މާއްދާއެއް؛
(ބ) ސެކިއުރިޓީ ޑިޕޮޒިޓް އަނބުރާ ދިނުން މަނާކުރާ މާއްދާއެއް؛
(ޅ) އިޖްތިމާއީ އަދަބުތަކާ ހިލާފު ކަމެއްކުރުމަށް ލާޒިމުވާފަދަ މާއްދާއެއް؛
(ކ) ކުއްޔަށްހިފާ ފަރާތުގެ ރުހުމެއްނެތި ކުލީގެ އެއްބަސްވުން ބާތިލުކުރާ ހާލަތުގައި ދޭންޖެހޭ ނޯޓިހުގެ މުއްދަތު މި ގާނޫނުގައި ބަޔާންކުރާ މިންވަރަށްވުރެ ކުޑަކުރާ މާއްދާއެއް.
17 ވަނަ މާއްދާ - ކުއްޔަށްދޭ ތަނުގައި ދިރިއުޅެވޭނެ މީހުންގެ އަދަދު ކަނޑައެޅުން
މި ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން ކުއްޔަށްދޭ ތަނުގެ އަކަފޫޓުގެ ނިސްބަތުން ގިންތިކުރެވި، އެ ތަނެއްގެ ކުޑަ ބޮޑުމިނަށް ބަލައި އެ ތަނެއްގައި އެންމެ ގިނައިން ދިރިއުޅެވޭނެކަމަށް ކަނޑައަޅާފައިވާ މީހުންގެ އަދަދަށްވުރެ ގިނަ ނުވާނެހެން، އެ ތަނެއްގައި ދިރިއުޅެވޭނެ މީހުންގެ އަދަދު ކަނޑައެޅުމުގެ އިހްތިޔާރު ކުއްޔަށްދޭ ފަރާތަށް ލިބިގެންވެއެވެ.
18 ވަނަ މާއްދާ - ސެކިއުރިޓީ ޑިޕޮޒިޓް ނެގުން
(ހ) ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި 2 (ދޭއް) މަސްދުވަހުގެ ކުލީގެ ފައިސާއަށްވުރެ ބޮޑުނޫން އަދަދެއްގެ ފައިސާ ކަނޑައެޅުމުގެ އިހްތިޔާރު
ކުއްޔަށްދޭ ފަރާތަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެކިއުރިޓީ ޑިޕޮޒިޓްގެ ފައިސާ ކުއްޔަށްހިފާ ފަރާތުން ދައްކާނީ، ކުއްޔަށްދޭ ފަރާތުން ކަނޑައަޅާ އެކައުންޓަކަށް ޖަމާކޮށްގެން، ނުވަތަ ކުއްޔަށްދޭ ފަރާތާ ހަވާލުކޮށްގެންނެވެ.
(ނ) މި މާއްދާގައި ބަޔާންކުރާ ސެކިއުރިޓީ ޑިޕޮޒިޓްގެ ފައިސާ ލިބުނުކަމުގެ ލިޔުމެއް ކުއްޔަށްދޭ ފަރާތުން ކުއްޔަށްހިފާ ފަރާތަށް ދޭންވާނެއެވެ.
(ރ) އެއްވެސް ސަބަބަކާހުރެ ކުލީގެ އެއްބަސްވުން ނިމުމަކަށް ގެނެވިއްޖެނަމަ، މި މާއްދާގެ (ބ) ގައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ސެކި އުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ހަވާލުކޮށްފައިވާ ފައިސާ ކުއްޔަށްދޭ ފަރާތުން ކުއްޔަށްހިފާ ފަރާތަށް އަނބުރާ ދޭންވާނެއެވެ.
(ބ) ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ނަގާ ފައިސާ މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ކުއްޔަށްހިފާ ފަރާތަށް އަނބުރާ ދިނުމުގައި ކުއްޔަށްދޭ ފަރާތުން ރިއާޔަތްކުރަންވާނީ އަންނަނިވި ކަންކަމަށެވެ.
- ކުއްޔަށްހިފާ ފަރާތުން ކުއްޔަށްހިފާ ތަން ދޫކޮށްލާއިރު، އެ ތަނުގެ އެއްވެސް ހިދުމަތެއްގެ ބިލެއް ނުދައްކާ ހުރިނަމަ އެ ބިލެއް ދެއްކުމަށް ސެކިއުރިޓީ ޑިޕޮޒިޓްގެ ފައިސާއިން އުނިކުރުން؛
- ކުއްޔަށްހިފާ ފަރާތުގެ އިހުމާލުން ކުއްޔަށްހިފާ ތަނުގައި ހަރުކުރެވިފައިވާ ތަކެއްޗަށް ގެއްލުމެއް ލިބިފައިވާނަމަ އެ ތަކެތި އާކުރުމަށް ނުވަތަ މަރާމާތުކުރުމަށް ކުއްޔަށްދޭ ފަރާތުން ކުރަންޖެހޭ ހަރަދު ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ޖަމާކޮށްފައިވާ ފައިސާއިން އުނިކުރުން؛
- ކުއްޔަށްހިފާ ފަރާތަށް ކުއްޔަށްހިފާ ތަން ބޭނުންކުރުމުގައި ހަވާލުކޮށްފައިވާ އުފުލޭ މުދަލަކަށް އާންމުކޮށް ގިނަ ދުވަސްވެގެން ހަލާކުވާ ހަލާކުވުން ފިޔަވައި އިތުރު ގެއްލުމެއްލިބި މަރާމާތުކުރަންޖެހޭނަމަ އެ މަރާމާތަކަށް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ޖަމާކޮށްފައިވާ ފައިސާއިން އުނިކުރުން؛
- ކުއްޔަށްހިފާ ފަރާތުން ކުއްޔަށްހިފާ ތަން ދޫކޮށްލާއިރު، ކުއްޔަށްހިފާ ފަރާތުން ކުލި ނުދައްކާ ހުރިނަމަ، ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ޖަމާކޮށްފައިވާ ފައިސާއިން ކުއްޔަށްވާ ފައިސާ އުނިކުރުން.
(ޅ) ސެކިއުރިޓީ ޑިޕޮޒިޓްގެ ފައިސާގެ ތެރެއިން މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ފައިސާ އުނިކުރަން ނުޖެހޭނަމަ މި މާއްދާގެ (ރ) ގައިވާ މުއްދަތުގައި ކުއްޔަށްހިފާ ފަރާތުން ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ބަހައްޓާފައިވާ އެންމެހައި ފައިސާ އެކީ އެއްފަހަރާ ކުއްޔަށްހިފާ ފަރާތަށް ރައްދު ކޮށްދޭންވާނެއެވެ.
19 ވަނަ މާއްދާ - ކުލި ކަނޑައެޅުން
(ހ) ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ކޮންމެ ތަނެއްވެސް ކުއްޔަށްދޭއިރު އެ ތަނެއްގެ ކުއްޔާއި ކުލި ދައްކާނެ އުސޫލު ކުލީގެ އެއްބަސްވުމުގައި
ކަނޑައަޅާފައި އޮންނަންވާނެއެވެ.
(ށ) ކަނޑައެޅޭ ކުއްޔަކީ، ކުލީގެ އެއްބަސްވުމުގެ ދަށުން ކުއްޔަށްހިފާ ފަރާތަށް ކުއްޔަށްހިފާ ތަން ބޭނުންކުރުމުގެ ހައްގު ލިބިދީފައިވާތީ، އެ ހައްގުގެ މުގާބިލުގައި ކޮންމެ މަހަކު އެއްފަހަރު، ނުވަތަ އެ އެއްބަސްވުމުގެ ޖުމްލަ މުއްދަތަށް އެކީ އެއްފަހަރާ ދެއްކުމަށް، ނުވަތަ ދެފަރާތުން އެއްބަސްވާ އެނޫންވެސް ގޮތެއްގެމަތިން ކުއްޔަށްހިފާ ފަރާތުން ކުއްޔަށްދޭ ފަރާތަށް ފައިސާގެ ގޮތުގައި، ނުވަތަ އެނޫންވެސް ގޮތަކަށް ދެވޭ އެއްޗެކެވެ.
(ނ) މި މާއްދާގައިވާ ގޮތުގެމަތިން ކަނޑައަޅާ ކުއްޔަކީ ފައިސާ ފިޔަވައި އެހެން މުގާބިލެއްކަމުގައިވާނަމަ، ކުލީގެ އެއްބަސްވުމުގައި އެކަން ސާފުކޮށް ބަޔާންކުރަންވާނެއެވެ.
20 ވަނަ މާއްދާ - ކުއްޔަށް ބަދަލު ނުގެނައުން
(ހ) ކުލީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކުއްޔަށް އެ އެއްބަސްވުމުގެ މުއްދަތުގައި ބަދަލެއް ނުގެނެވޭނެއެވެ.
(ށ) ކުލީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާއިރު، އެ އެއްބަސްވުމުގެ ޖުމްލަ މުއްދަތުގެ ތެރެއިން ވަކިވަކި މުއްދަތުތަކަށް ދެފަރާތުން އެއްބަސްވާ ގޮތެއްގެމަތިން ތަފާތު ކުއްޔެއް ކަނޑައެޅުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
21 ވަނަ މާއްދާ - ކުލީގެ ރިކޯޑް ބެލެހެއްޓުން
(ހ) ކުއްޔަށްހިފާ ފަރާތުން ކުއްޔަށްދޭ ފަރާތަށް ކުލި ދައްކަމުންދާގޮތް އެއްބަސްވުމުގެ މުއްދަތު ނިމެންދެން ކުއްޔަށްހިފާ ފަރާތުންނާއި ކުއްޔަށްދޭ
ފަރާތުން ލިޔުމުން ބަލަހައްޓަންވާނެއެވެ.
(ށ) ކުލި އަދާކުރަނީ ނަގުދު ފައިސާއިންކަމުގައިވާނަމަ އެ ފައިސާ ދިންކަމުގެ ލިޔުމެއް ކުއްޔަށްދޭ ފަރާތުން ކުއްޔަށްހިފާ ފަރާތަށް ދޭންވާނެއެވެ.
(ނ) ކުލި އަދާކުރަނީ ކުއްޔަށްދޭ ފަރާތުން ކަނޑައަޅާފައިވާ ބޭންކު އެކައުންޓަކަށްނަމަ، ކުލި ޖަމާކުރިކަމުގެ ލިޔެކިޔުން ކުއްޔަށްހިފާ ފަރާތުގެ އަތުގައި ބަހައްޓަންވާނެއެވެ. އަދި އެ ހާލަތުގައި އެ ފައިސާ ޖަމާކުރިކަމުގެ ލިޔުމެއް ނުވަތަ ލިޔުމުގެ ކޮޕީއެއް ކުއްޔަށްހިފާ ފަރާތުން ކުއްޔަށްދޭ ފަރާތަށް ފޮނުވަންވާނެއެވެ.
22 ވަނަ މާއްދާ - އެޑްވާންސްކޮށް ކުލިނެގުން
(ހ) ކުލީގެ އެއްބަސްވުމެއްގެ ދަށުން ކުއްޔަށްދިނުމުގެ ޖުމްލަ މުއްދަތަށް އެކުގައި ކުލި ނަގާ ހާލަތު، ނުވަތަ ދެފަރާތުން އެއްބަސްވާ މުއްދަތަކަށް އެޑްވާންސްކޮށް ކުލި ނަގާ ހާލަތު ފިޔަވައި، ކުއްޔަށްދީފައިވާ ތަނަކުން ކުލި ނުވަތަ އެނޫންވެސް ފައިސާއެއް ކުއްޔަށްހިފާ ފަރާތުގެ އަތުން އެޑްވާންސްކޮށް ނަގައިގެންނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އެޑްވާންސްކޮށް ކުލި ނެގުމަށް ކުލީގެ އެއްބަސްވުމެއްގައި އެއްވެސް މާއްދާއެއް ހިމަނައިގެން ނުވާނެއެވެ. އަދި، އެ އެއްބަސްވުމުގެ ބޭރުން އެޑްވާންސްކޮށް އެއްވެސް ފައިސާއެއް ދެއްކުމަށް ކުއްޔަށްހިފާ ފަރާތުގެ ކިބައިން ކުއްޔަށްދޭ ފަރާތުން އެދިގެންނުވާނެއެވެ.
23 ވަނަ މާއްދާ - ކުލީގެ އެއްބަސްވުމަށް ބަދަލު ގެނައުން
ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތާ ދެމެދު ވެވޭ ކުލީގެ އެއްބަސްވުމަށް މި ގާނޫނުގައިވާ ގޮތުގެމަތިން ބަދަލު ގެނެވޭނީ ދެފަރާތުން އެކަމަށް އެއްބަސްވެ، ލިޔުމުން އެ އެއްބަސްވުމަށް ބަދަލު ގެނައުމުންނެވެ.
24 ވަނަ މާއްދާ - ކުލީގެ އެއްބަސްވުމުގެ ހައްގުތައް ބަދަލުކުރުން
(ހ) ކުލީގެ އެއްބަސްވުމުގެ ދަށުން ކުއްޔަށްހިފާ ފަރާތަށް ލިބިފައިވާ ހައްގުތައް، ކުއްޔަށްދޭ ފަރާތުން ލިޔުމުންދޭ ހުއްދައަކާއެކު ތިންވަނަ ފަރާތަކަށް ބަދަލުކުރެވިދާނެއެވެ.
(ށ) ކުލީގެ އެއްބަސްވުމުގެ ދަށުން ކުއްޔަށްހިފާ ފަރާތަށް ލިބިފައިވާ ހައްގުތައް ތިންވަނަ ފަރާތަކަށް ބަދަލުކުރުމާއެކު ކުއްޔަށްހިފާ ފަރާތަށް އެ އެއްބަސްވުމުގެ ދަށުން ލިބިފައިވާ އެންމެހައި ހައްގުތައް ތިންވަނަ ފަރާތަށް ބަދަލުވުމުގެ އިތުރަށް، ކުއްޔަށްހިފާ ފަ ރާތުގެ އެންމެހައި ޒިންމާތަކާއި މަސްއޫލިއްޔަތުތައްވެސް ތިންވަނަ ފަރާތަށް ބަދަލުވެގެންދާނެއެވެ.
(ނ) ކުލީގެ އެއްބަސްވުމުގެ ދަށުން ކުއްޔަށްހިފާ ފަރާތަށް ލިބިފައިވާ ހައްގުތައް ތިންވަނަ ފަރާތަކަށް ބަދަލުކުރުމަށް ކުއްޔަށްހިފާ ފަރާތުން ކުއްޔަށްދޭ ފަރާތަށް ހުށަހަޅައިފިނަމަ އެކަށީގެންވާ ސަބަބަކަށްޓަކައި މެނުވީ އެ ހުއްދަ ނުދީ ހިފަހައްޓައިގެންނުވާނެއެވެ.
(ރ) ކުލީގެ އެއްބަސްވުމުގެ ދަށުން ކުއްޔަށްހިފާ ފަރާތަށް ލިބިފައިވާ ހައްގުތައް ތިންވަނަ ފަރާތަކަށް ބަދަލުކުރުމަށް ކުއްޔަށްހިފާ ފަރާތުން ކުއްޔަށްދޭ ފަރާތަށް ހުށަހަޅައިފިނަމަ އެ ހުއްދަ ދިނުމަށް ކުއްޔަށްހިފާ ފަރާތުގެ އަތުން އިތުރު އަގެއް ކުއްޔަށްދޭ ފަރާތުން ނަގައިގެން ނުވާނެއެވެ.
25 ވަނަ މާއްދާ - ކުއްޔަށްހިފާ ފަރާތުން ކުއްޔަށްހިފާ ތަން އިތުރު ފަރާތަކަށް ކުއްޔަށްދިނުން
(ހ) ކުއްޔަށްހިފާ ފަރާތުން ކުއްޔަށްހިފާ ތަން އިތުރު ފަރާތަކަށް ކުއްޔަށްދޭންވާނީ، ކުއްޔަށްހިފާ ފަރާތާއި ކުއްޔަށްދޭ ފަރާތާ ދެމެދު ލިޔުމުން އެއްބަސްވެވޭ ގޮތެއްގެމަތިންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކުލީގެ އެއްބަސްވުމުގެ ދަށުން ކުއްޔަށްހިފާ ފަރާތުން ކުއްޔަށްހިފާ ތަން އިތުރު ފަރާތަކަށް ކުއްޔަށްދޭ ހާލަތުގައިވެސް، މި ގާނޫނުގެ ދަށުން ދިރިއުޅުމަށްޓަކައި ތަނެއް ކުއްޔަށްދިނުމުގައި އަމަލުކުރަންޖެހޭ އެންމެހައި އުސޫލުތަކަށް އަމަލުކުރަންވާނެއެވެ.
26 ވަނަ މާއްދާ - ކުލީގެ އެއްބަސްވުން ނިމުމަކަށް އައުން
އަންނަނިވި ހާލަތްތަކުގައި ކުލީގެ އެއްބަސްވުން ނިމުމަކަށް އަންނާނެއެވެ.
(ހ) ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތާ ދެމެދު ވާހަކަދައްކައިގެން ކުލީގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ލިޔުމުން އެއްބަސްވުން؛
(ށ) ކުލީގެ އެއްބަސްވުމުގެ މުއްދަތު އާކުރުމަށް އެއްބަސްވެފައި ނުވަނީސް އެ އެއްބަސްވުމުގެ މުއްދަތު ހަމަވުން؛
(ނ) ކުލީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ އެއްބަސްވުމުގެ އެއް ބައިވެރިޔަކު އަނެއް ބައިވެރިޔަކަށް އެއްބަސްވުން އުވާލުމަށް ނޯޓިސް ފޮނުވައި އެ ނޯޓިހުގެ މުއްދަތު ހަމަވުން؛
(ރ) ކުލީގެ އެއްބަސްވުމަކީ އަމަލުކުރެވެން ނެތް އެއްބަސްވުމެއްކަމަށް ކޯޓަކުން ކަނޑައެޅުން؛
(ބ) ކުއްޔަށްދޭ ތަނަކީ ރަހުނުކުރެވިފައިވާ ތަނަކަށްވެފައި، ރަހުނު ތަންފީޛުކުރުމުގެގޮތުން އެ ރަހުނު ތަންފީޛުކުރުމަށް ކޯޓުން ނިންމުން.
27 ވަނަ މާއްދާ - ކުއްޔަށްދޭ ފަރާތުން ކުލީގެ އެއްބަސްވުން ބާތިލުކުރުން
ކުއްޔަށްދޭ ފަރާތަށް ކުލީގެ އެއްބަސްވުން ބާތިލުކުރެވޭނީ މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މަތިންނެވެ.
(ހ) މި މާއްދާގެ ބޭނުމަށްޓަކައި ކުއްޔަށްހިފާ ފަރާތުން ކުލީގެ އެއްބަސްވުމާ ހިލާފުވެގެން ކުއްޔަށްދޭ ފަރާތުން އެ އެއްބަސްވުން ބާތިލުކުރާ ހާލަތުގައި އަންނަނިވި ކަންކަން ފުރިހަމަކުރުމާއެކު އެއްބަސްވުން ބާތިލުކުރުމަށް ކުއްޔަށްހިފާ ފަރާތަށް ނޯޓިސް ފޮނުވަންވާނެއެވެ.
- ކުއްޔަށްހިފާ ފަރާތުން ކުލީގެ އެއްބަސްވުމާ ހިލާފުވެއްޖެކަމަށާއި ކުއްޔަށްދޭ ފަރާތުން އެ އެއްބަސްވުން ބާތިލުކުރަން ބޭނުންވާކަން ކުއްޔަށްހިފާ ފަރާތަށް އަންގައި، އެ އެއްބަސްވުމުގައިވާ ގޮތަށް ލިޔުމުން ނޯޓިސް ފޮނުވުން؛
- ކުއްޔަށްދޭ ފަރާތުން ފޮނުވާ ނޯޓިހުގައި، ކުލީގެ އެއްބަސްވުން ބާތިލުކުރާ ސަބަބާއި، ކުއްޔަށްހިފާ ފަރާތުން އެ އެއްބަސްވުމާ ހިލާފަށް ކޮށްފައިވާކަމަށް ކުއްޔަށްދޭ ފަރާތުން ފާހަގަކުރާ ކަންތައްތައް ތަފުސީލުކޮށްދީފައިވުން؛
- ކުލީގެ އެއްބަސްވުން ބާތިލުކުރުމަށް ފޮނުވާ ނޯޓިހުގެ މުއްދަތާ ހަމައަށް ކުއްޔަށްހިފާ ފަރާތުން ކުއްޔަށްދޭ ފަރާތަށް ދައްކަންޖެހިފައިވާ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާއެއްގެ ތަފުސީލު ނޯޓިހުގައި ބަޔާންކުރުން؛
- ކުއްޔަށްދޭ ފަރާތުން ފޮނުވާ ނޯޓިހުގެ މުއްދަތު ހަމަވުމުން ކުލީގެ އެއްބަސްވުން ބާތިލުވާނެކަން ނޯޓިހުގައި ބަޔާންކުރުން؛
- ކުލީގެ އެއްބަސްވުން ބާތިލުކުރުމަށް ފޮނުވާ ނޯޓިހުގެ މުއްދަތު ހަމަވާ ދުވަހު، އެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ކުއްޔަށްދޭ ފަރާތާ ކުއްޔަށްހިފާ ތަން ހަވާލުކުރަންވާނެކަން ނޯޓިހުގައި ބަޔާންކުރުން؛
- ކުލީގެ އެއްބަސްވުން ބާތިލުކުރުމަށް ފޮނުވާ ނޯޓިހާ ގުޅިގެން ކުއްޔަށްހިފާ ފަރާތުން ކަންކަން އިސްލާހުކޮށް އެ އެއްބަސްވުން ކުރިއަށް ގެންދިޔުމުގެ ފުރުސަތު އޮތްކަން ނުވަތަ ނޫންކަން ނޯޓިހުގައި ބަޔާންކުރުން.
(ށ) ކުލީގެ އެއްބަސްވުމުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ހާލަތުގައި، އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ކުއްޔަށްދޭ ފަރާތުން އެފަރާތުގެ އަމިއްލަ ބޭނުމަކަށް ކުއްޔަށްދީފައިވާ ތަން ބޭނުންކުރުމަށްޓަކައި ކުލީގެ އެއްބަސްވުން ބާތިލުކުރެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.
- ކުއްޔަށްދޭ ތަނުގައި ކުއްޔަށްހިފާ ފަރާތްތައް ބައިތިއްބައިގެން ނުކުރެވޭފަދަ ބޮޑެތި މަރާމާތުތަކެއް ކުރުމަށްޓަކައި އެ ތަން ހުސްކުރަންޖެހުން؛
- ކުއްޔަށްދޭ ފަރާތުން ކުއްޔަށްދޭ ތަނުގައި ދިރިއުޅެން ބޭނުންވުން؛
- ކުއްޔަށްދޭ ފަރާތުގެ މައިންބަފައިން ނުވަތަ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިން ނުވަތަ ދޮންދަރިން ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަން ބޭނުންވުން؛
- ކުއްޔަށްދޭ ތަން އެހެން ފަރާތަކަށް ވިއްކާލަންޖެހުން.
(ނ) ކުއްޔަށްދޭ ފަރާތުން އަމިއްލަ ބޭނުމަކަށް ކުއްޔަށްދޭ ތަން ހުސްކުރަން ބޭނުންވާނަމަ ކުލީގެ އެއްބަސްވުން ބާތިލުކުރެވޭނީ މަދުވެގެން 3 (ތިނެއް) މަސްދުވަހުގެ ނޯޓިހެއް ދިނުމަށްފަހުގައެވެ.
(ރ) ކުއްޔަށްދޭ ފަރާތުގެ އަމިއްލަ ބޭނުމަކަށްކަމަށް ބަޔާންކޮށް ކުއްޔަށްދޭ ފަރާތުން ކުލީގެ އެއްބަސްވުން ބާތިލުކުރުމަށްފަހު، 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ކުއްޔަށްދޭ ތަން އެހެން ފަރާތަކަށް ކުއްޔަށްދީފިކަމަށް ނުވަތަ އެނޫން ބޭނުމަކަށް ބޭނުންކޮށްފިކަމުގެ ށަކުވާ ކައުންސިލަށް ހުށަހެޅިއްޖެނަމަ އެކަމެއް ބެލުމަށްފަހު، 50،000 (ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ކުއްޔަށްދޭ ފަރާތް ޖޫރިމަނާކުރެވޭނެއެވެ.
(ބ) މި މާއްދާގެ (ހ) އަދި (ށ) އެހެން އޮތްނަމަވެސް، ކުއްޔަށްދީފައިވާ ތަނަކީ 1 (އެކެއް) ފަރާތަށްވުރެ ގިނަ ފަރާތުގެ ނަމުގައިވާ ތަނެއްނަމަ ނުވަތަ ކުއްޔަށްދޭ ފަރާތަކީ އެއްފަރާތަށްވުރެ ގިނަ ފަރާތްތަކެއްނަމަ އެ ހުރިހާ ފަރާތްތަކަކުންވެސް މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކުލީގެ އެއްބަސްވުން ބާތިލުކުރުމަށް ބޭނުންވާ ހިނދެއްގައި މެނުވީ، ކުއްޔަށްހިފާ ފަރާތުގެ ރުހުމެއްނެތި އެއްބަސްވުން ބާތިލެއް ނުކުރެވޭނެއެވެ.
(ޅ) ކުއްޔަށްހިފާ ފަރާތުން ކުލީގެ އެއްބަސްވުމާ ހިލާފުވެގެން، ކުއްޔަށްދޭ ފަރާތުން އެ އެއްބަސްވުން ބާތިލުކުރާނަމަ މަދުވެގެން 2 (ދޭއް) މަސްދުވަހުގެ ނޯޓިހެއް ކުއްޔަށްދޭ ފަރާތުން ކުއްޔަށްހިފާ ފަރާތަށް ދޭންވާނެއެވެ.
(ކ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުލީގެ އެއްބަސްވުން ބާތިލުކުރުމަށްފަހު އެ އެއްބަސްވުން ބާތިލުކުރިކަން، ސިޓީއެއްގައިނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް އަދި ރަށެއްގައިނަމަ އެ ރަށެއްގެ ރަށު ކައުންސިލަށް ކުއްޔަށްދޭ ފަރާތުން އަންގަންވާނެއެވެ.
28 ވަނަ މާއްދާ - ސަބަބެއް ނެތި ކުއްޔަށްދޭ ފަރާތުން ކުލީގެ އެއްބަސްވުން ބާތިލުކުރުން މަނާކުރުން
ކުލީގެ އެއްބަސްވުން ބާތިލުކުރާ ސަބަބު ކުއްޔަށްހިފާ ފަރާތަށް އެންގުމެއްނެތި، ކުއްޔަށްދޭ ފަރާތަށް އެ އެއްބަސްވުން ބާތިލެއް ނުކުރެވޭނެއެވެ. އަދި، ކުއްޔަށްހިފާ ފަރާތަށް އަންގާ ސަބަބަކީ، މި ގާނޫނާއި ކުލީގެ އެއްބަސްވުމުގައި އެ އެއްބަސްވުން ބާތިލުކުރެވިދާނެ ސަބަބެއްގެގޮތުގައި ބަޔާންކޮށްފައިވާ ސަބަބަކަށްވާންވާނެއެވެ.
29 ވަނަ މާއްދާ - ކުއްޔަށްހިފާ ފަރާތުން ކުލީގެ އެއްބަސްވުން ބާތިލުކުރުން
(ހ) ކުލީގެ އެއްބަސްވުމުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ހާލަތުގައި ކުއްޔަށްދޭ ފަރާތުން އެ އެއްބަސްވުމާ ހިލާފުވެގެން، ނުވަތަ ކުއްޔަށްހިފާ ފަރާތުން ކުއްޔަށްހިފާފައިވާ ތަން ދޫކޮށްލަން ބޭނުންވެގެން އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ކުއްޔަށްހިފާ ފަރާތުން އެ އެއްބަސްވުން ބާތިލުކުރަން ބޭނުންވެއްޖެނަމަ، މަދުވެގެން 1 (އެކެއ) މަސްދުވަހުގެ ނޯޓިހެއް ދިނުމަށްފަހު އެއްބަސްވުން ބާތިލުކުރުމުގެ އިހްތިޔާރު ކުއްޔަށްހިފާ ފަރާތަށް ލިބިގެންވެއެވެ.
(ށ) ކުއްޔަށްހިފާ ފަރާތުން ކުލީގެ އެއްބަސްވުން ބާތިލުކުރަން ބޭނުންވާ ހާލަތުގައި އެ އެއްބަސްވުން ބާތިލުކުރުމަށް ފޮނުވާ ނޯޓިހުގެ މުއްދަތަށް ކުލި ދެއްކުމަށްފަހު އެއްބަސްވުން ބާތިލުކޮށް، ކުއްޔަށްހިފާ ތަން ހުސްކުރުމުގެ އިހްތިޔާރު ކުއްޔަށްހިފާ ފަރާތަށް ލިބިގެންވެއެވެ.
30 ވަނަ މާއްދާ - ދިރިއުޅުމަށްޓަކައި ކުއްޔަށްދެވޭނެ މުއްދަތު
(ހ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް، ދެފަރާތުން އެއްބަސްވާ ގޮތެއްގެމަތިން ދެފަރާތުން އެއްބަސްވާ މުއްދަތަކަށް، ކަނޑައެޅޭ ކުއްޔަކަށް ދިރިއުޅުމަށްޓަކައި ބޭނުންކުރުމަށް ކުއްޔަށްދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކުއްޔަށްދިނުމަށް ވެވޭ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އާ އެއްބަސްވުމެއްގެ ދަށުން ކުއްޔަށްދޭ ތަން އަލުން ކުއްޔަށްދެވިދާނެއެވެ.
31 ވަނަ މާއްދާ - ކުލީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުން
ކުއްޔަށްދޭ ތަނެއްގެ ކުލީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާނަމަ އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ދެފަރާތުން އެއްބަސްވާ ގޮތެއްގެމަތިން އެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.
ފަސްވަނަ ބާބު
ކުލީގެ އެއްބަސްވުމާ ގުޅިގެން އުފެދޭ ހައްގުތަކާއި އިލްތިޒާމްތައް
32 ވަނަ މާއްދާ - ކުލީގެ އެއްބަސްވުމުގެ ނަތީޖާ
މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތާ ދެމެދު އެއްބަސްވުމުން، ކުއްޔަށްދެވޭ ތަނަކީ ކުލީގެ އެއްބަސްވުމެއްގެ ދަށުން އިތުރު ފަރާތެއް ނުހިމެނޭގޮތަށް ކުއްޔަށްހިފާ ފަރާތް ބޭނުންކުރުމަށް ލިބިދީފައިވާ ތަނެއްކަން ގާނޫނީގޮތުން ކަނޑައެޅުނީއެވެ.
33 ވަނަ މާއްދާ - ކުއްޔަށްދޭ ފަރާތުގެ ޒިންމާތައް
ކުއްޔަށްދޭ ފަރާތުން އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
(ހ) ކުއްޔަށްދޭ ތަނަކީ، ކުއްޔަށްދިނުމަށް ގާނޫނީގޮތުން ހުރަހެއް ނެތް ތަނެއްކަން، އެ ތަން ކުއްޔަށްދިނުމުގެ ކުރިން ކުއްޔަށްހިފާ ފަރާތަށް ކުއްޔަށްދޭ ފަރާތުން ކަށަވަރުކޮށްދިނުން؛
(ށ) ކުއްޔަށްދޭ ތަނަކީ ރަހުނުކުރެވިފައިވާ ތަނެއްނަމަ އެ މައުލޫމާތާއި، އެ ތަނާ ގުޅިގެން އެއްވެސް އިދާރާއެއްގައި ނުވަތަ ކޯޓެއްގައި އެއްވެސް މައްސަލައެއް ހިނގަމުންދާނަމަ އެ މައުލޫމާތު، އަދި އެފަދަ މައްސަލައެއް ހުށަހެޅުމަށް މަސައްކަތްކުރާނަމަ އެކަމުގެ މައުލޫމާތު ކުއްޔަށްދޭ ފަރާތަށް ލިބިފައިވާނަމަ، ކުލީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ކުއްޔަށްހިފާ ފަރާތަށް އެ މައުލޫމާތު ލިޔުމުން ދިނުން؛
(ނ) ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމުގެ މުއްދަތުގައި، ކުއްޔަށްހިފާ ފަރާތުން ކުއްޔަށްހިފާ ތަން ބޭނުންކުރުމުގައި އެއްވެސް ބާވަތެއްގެ ހުރަހެއް ކުއްޔަށްދޭ ފަރާތުން ކުރިމަތިނުކުރުން؛
(ރ) ކުއްޔަށްހިފާ ފަރާތުން ކުއްޔަށްހިފާ ތަން ބޭނުންކުރުމުގައި ބޭނުންވާނެ އެއްވެސް ހިދުމަތެއް ލިބިގަތުމުގައި، އެފަރާތަށް ހުރަހެއް ކުރިމަތިނުކުރުން؛
(ބ) ކުއްޔަށްހިފާ ފަރާތަށް ކުއްޔަށްހިފާ ތަނަށް ވަދެނިކުތުމަށް ހުރަހެއް ކުރިމަތިނުވާނެގޮތަށް އިންތިޒާމް ހަމަޖެއްސުން؛
(ޅ) އިމާރާތް ކުއްޔަށްދީފައިވާ މުއްދަތުގައި އިމާރާތުގައި ކުރަންޖެހޭ މަރާމާތުތަކާމެދު އަމަލުކުރާނެ އުސޫލެއް ކުލީގެ އެއްބަސްވުމުގައި ބަޔާންކުރުން؛
(ކ) އިންޓަރނެޓް، ކޭބަލް ޓީވީ އަދި އެނޫންވެސް އެފަދަ ހިދުމަތެއް ކުއްޔަށްދޭ ތަނުގައި ގުޅުމަށްޓަކައި ހުށަހެޅުމަށް، ކުއްޔަށްދޭ ފަރާތުގެ ހުއްދަ ނުވަތަ ސޮއި، ކުއްޔަށްހިފާ ފަރާތުން ބޭނުންވާ ހާލަތްތަކުގައި އެކަންކަން އިންތިޒާމްކޮށްދިނުން؛
(އ) ކުލީގެ އެއްބަސްވުމުގެ މުއްދަތުގައި ކުއްޔަށްހިފާ ފަރާތުން އެ އެއްބަސްވުމާ ހިލާފުވެއްޖެނަމަ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އަމަލުކުރުން؛
(ވ) ކުލީގެ އެއްބަސްވުމަކަށް ވާސިލުވުމަށްޓަކައި ކުއްޔާމެދު މަށްވަރާކުރުމުގެ ފުރުސަތު ކުއްޔަށްހިފާ ފަރާތަށް ލިބިދިނުން.
34 ވަނަ މާއްދާ - ކުއްޔަށްހިފާ ފަރާތުގެ ޒިންމާތައް
ކުއްޔަށްހިފާ ފަރާތުން އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
(ހ) ކުލީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާގޮތަށް ކުއްޔަށްދޭ ފަރާތަށް ގަވާއިދުން ކުލި ދެއްކުން؛
(ށ) ދިރިއުޅުން ފިޔަވައި އެހެން ބޭނުމަކަށް ކުއްޔަށްހިފާ ތަން ބޭނުންނުކުރުން؛
(ނ) ކުއްޔަށްހިފާ ތަން ސާފުތާހިރުކޮށް ބެލެހެއްޓުން؛
(ރ) ކުއްޔަށްހިފާ ތަނުގައި އުފެދޭ ކުނި އެ ތަނެއްގައި ހަމަޖެހިފައިވާ އިންތިޒާމްތަކުގެ ދަށުން އުކާލުން ނުވަތަ ނައްތާލުން؛
(ބ) ކުއްޔަށްދޭ ފަރާތުގެ ހުއްދަ ނެތި ކުއްޔަށްހިފާ ތަނަށް ބަދަލު ނުގެނައުން؛
(ޅ) ކުއްޔަށްހިފާ ތަނަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ ކުއްޔަށްދޭ ފަރާތަށް އެކަން ވަގުތުން އެންގުމާއެކު އެ ތަން މަރާމާތުކުރުމަށް، ކުލީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާގޮތަށް އަމަލުކުރުން؛
(ކ) ގާނޫނާ ހިލާފު އެއްވެސް ބޭނުމަކަށް ކުއްޔަށްހިފާ ތަން ބޭނުންނުކުރުން؛
(އ) މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ، އަދި ކުލީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ނިސްބަތަށްވުރެ ގިނައިން ކުއްޔަށްދޭ ތަނުގައި މީހުން ނުބޭތިއްބުން.
35 ވަނަ މާއްދާ - އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަށް ކުއްޔަށްދިނުން މަނާވުން
ކުލީގެ އެއްބަސްވުމުގެ މުއްދަތު ހިނގަމުން ދަނިކޮށް، ކުއްޔަށްދީފައިވާ ތަނެއް ކުއްޔަށްހިފާފައިވާ ފަރާތް ފިޔަވައި އިތުރު ފަރާތަކަށް ކުއްޔަށްދޭ ފަރާތުން ކުއްޔަށްދީގެން ނުވާނެއެވެ.
36 ވަނަ މާއްދާ - ކުއްޔަށްދޭ ތަން ހަވާލުކުރުން
ކުއްޔަށްހިފާ ފަރާތާ ކުއްޔަށްދޭ ތަން ހަވާލުކުރަންވާނީ، އެފަރާތާ އެ ތަން ހަވާލުކުރުމުގެ ކުރިން ފުރިހަމަކުރުމަށް ކުލީގެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ކަންތައްތައް ފުރިހަމަކުރުމަށް ފަހުގައެވެ.
37 ވަނަ މާއްދާ - އުނދަގުލެއްނެތި ކުއްޔަށްހިފާ ތަން ބޭނުންކުރުމުގެ ހައްގު
(ހ) ކުއްޔަށްހިފާފައިވާ މުއްދަތުގައި އަމިއްލަ ހިޔާވައްސެއް ފަދައިން އުނދަގުލެއްނެތި ކުއްޔަށްހިފާ ތަން ބޭނުންކުރުމުގެ ހައްގު ކުއްޔަށްހިފާ ފަރާތަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ހައްގަށް އުނިކަމެއް އަންނަފަދަ ކަމެއް ނުވަތަ އުނދަގުލެއް ކުއްޔަށްދޭ ފަރާތުން ނުވަތަ އެފަރާތުގެ މަންދޫބަކުވެސް ކުރުމަކީ މަނާކަމެކެވެ.
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، އަންނަނިވި ހާލަތްތަކުގައި ކުއްޔަށްދޭ ފަރާތް ކުއްޔަށްދީފައިވާ ތަނަށް ވަނުމުގެ ފުރުސަތު ކުއްޔަށްހިފާ ފަރާތުން ފަހިކޮށްދޭންވާނެއެވެ.
- ކޮންމެ 6 (ހައެއް) މަހަކުން އެއްފަހަރު، ކުއްޔަށްދީފައިވާ ތަނުގެ ހާލަތު ދެނެގަންނަން ބޭނުންވެއްޖެ ހިނދެއްގައި މަދުވެގެން 24 (ސައުވީސް) ގަޑިއިރު ކުރިން ކުއްޔަށްހިފާ ފަރާތަށް އެންގުމަށްފަހު، ކުއްޔަށްދޭ ތަނަށް ވަނުން؛
- ނުރައްކާތެރި ހާދިސާއެއް ހިނގައިފި ހިނދެއްގައި ކުއްޔަށްދޭ ތަނަށް ވަނުން؛
- ކުއްޔަށްދޭ ތަނުގެ މަރާމާތެއް ކުރަންޖެހިއްޖެ ހިނދެއްގައި، މަސައްކަތް ފެށުމުގެ ކުރިން ކުއްޔަށްހިފާ ފަރާތަށް އެންގުމަށްފަހު އެ މަރާމާތެއްކުރުމުގެ ބޭނުމަށް ކުއްޔަށްދޭ ތަނަށް ވަނުން.
(ރ) ކުއްޔަށްދޭ ތަން ހިމެނޭ އިމާރާތުގައި، ކުއްޔަށްދޭ ފަރާތުން ސްޓްރަކްޗަރަލް މަރާމާތެއް ނުވަތަ އެނޫންވެސް އުނދަގުލެއްވާފަދަ މަސައްކަތެއް ކުރާނަމަ، އެ މަސައްކަތްކުރުމުގެ 24 (ސައުވީސް) ގަޑިއިރު ކުރިން ކުއްޔަށްހިފާ ފަރާތަށް އެކަން އަންގަންވާނެއެވެ.
38 ވަނަ މާއްދާ - ދައްކަންޖެހޭ ފައިސާއާއި ޔުޓިލިޓީ ބިލުތައް ދެއްކުން
(ހ) ކުއްޔަށްދޭ ފަރާތުން ކުއްޔަށްހިފާ ފަރާތާ ކުއްޔަށްދޭ ތަން ހަވާލުކުރާއިރު އެ ތަނާ ގުޅިގެން އެއްވެސް ފަރާތަކަށް ދައްކަންޖެހި ނުދައްކާ ހުރި ފައިސާއެއްވާނަމަ އެ ފައިސާއެއް، އަދި ކުއްޔަށްދޭ ތަނުގެ ޔުޓިލިޓީ ބިލުތަކާއި އެފަދަ ހަރަދުތައް ހުންނަންވާނީ ދައްކާ ހަލާސްކުރެވިފައެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ކުއްޔަށްދޭ ތަނާ ނުވަތަ އިމާރާތާ ގުޅިގެން ކުއްޔަށްދޭ ފަރާތުން ދިގު މުއްދަތަކަށް ބަހާލައިގެން އެއްވެސް ފަރާތަކަށް ދައްކަން ޖެހޭ ފައިސާއެއްވާނަމަ، ކުއްޔަށްހިފާފައިވާ މުއްދަތުގެ ތެރޭގައި އެ ފައިސާ ދެއްކުމަކީ ކުއްޔަށްދޭ ފަރާތުގެ ޒިންމާއެކެވެ.
(ނ) ކުލީގެ އެއްބަސްވުމުގެ މުއްދަތުގައި ކުއްޔަށްހިފާ ތަނުގައި ކުއްޔަށްހިފާ ފަރާތުން ބޭނުންކުރާ އެންމެހައި ހިދުމަތްތަކުގެ ބިލުތަކަށް ފައިސާ ދެއްކުމަކީ ކުއްޔަށްހިފާ ފަރާތުގެ ޒިންމާއެކެވެ.
39 ވަނަ މާއްދާ - ތަން ހުސްކުރުމާއި ހަވާލުކުރުން
ކުލީގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން އެ އެއްބަސްވުން ނިމުމަކަށް އައުމާއެކު ކުއްޔަށްހިފާ ފަރާތުން ކުއްޔަށްދޭ ފަރާތާ ކުއްޔަށްހިފާފައިވާ ތަން ހަވާލުކުރަންވާނެއެވެ.
ހަވަނަ ބާބު
ށަކުވާއާބެހޭ ނިޒާމް ކަނޑައެޅުން
40 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން
މި ގާނޫނުގެ ދަށުން ވެވޭ ކުލީގެ އެއްބަސްވުމަކާ ގުޅިގެން ނުވަތަ ކުއްޔަށްދޭ ތަނަކާ ގުޅިގެން ނުވަތަ ކުލީގެ މުއާމަލާތާގުޅޭ އެނޫންވެސް ކަމަކާ ގުޅިގެން ރަށެއްގައިނަމަ އެ ރަށެއްގެ ރަށު ކައުންސިލަށް ނުވަތަ ސިޓީއެއްގައިނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ށަކުވާ ހުށަހެޅުމުގެ ހައްގު ކުއްޔަށްހިފާ ފަރާތާއި ކުއްޔަށްދޭ ފަރާތަށް ލިބިގެންވެއެވެ.
41 ވަނަ މާއްދާ - ފުރަތަމަ މަރުހަލާގައި ށަކުވާ ހުށަހެޅުން
(ހ) މި ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ށަކުވާތައް ސިޓީއެއްގައިނަމަ ހުށަހަޅާނީ ސިޓީ ކައުންސިލަށެވެ. އަދި ރަށެއްގައިނަމަ ހުށަހަޅާނީ އެ ރަށެއްގެ ރަށު ކައުންސިލަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ށަކުވާއެއް ހުށަހެޅިއްޖެނަމަ، އެ ށަކުވާއެއް ލިބޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ށަކުވާއާމެދު ކައުންސިލުން ގޮތެއް ނިންމައި، ށަކުވާ ހުށަހަޅާ ފަރާތަށް އަންގަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ކައުންސިލްތަކުން ށަކުވާތައް ބެލުމުގައި އަމަލުކުރާނެގޮތުގެ އިޖުރާއަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
42 ވަނަ މާއްދާ - ކައުންސިލްގެ ނިންމުން ކޯޓަށް ހުށަހެޅުން
(ހ) މި ގާނޫނުގެ ދަށުން ކައުންސިލަށް ހުށަހަޅާ ށަކުވާއަކާ ގުޅިގެން ނިންމާ ނިންމުމަކީ ގާނޫނާ ހިލާފު ނުވަތަ އިންސާފުވެރި ނިންމުމެއް ނޫންކަމަށް ށަކުވާ ހުށަހެޅި ފަރާތަށް ނުވަތަ ށަކުވާ ރައްދުވި ފަރާތަށް ގަބޫލުކުރެވިއްޖެނަމަ، ކައުންސިލްގެ ނިންމުން ލިބޭތާ ރަސްމީ ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ނިންމުން ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު ހުށަހަޅާފައިވާ ށަކުވާގައިވާ މައްސަލައިގައި މަސްލަހަތު ހިމެނޭ ކޮންމެ ފަރާތަކަށްމެ ލިބިގެންވެއެވެ.
(ށ) ކައުންސިލްގެ ނިންމުން ނިންމާތާ ރަސްމީ ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެއްވެސް ފަރާތަކުން އެ ނިންމުމާ ގުޅިގެން ކޯޓަށް މައްސަލައެއް ހުށަހަޅާފައިނުވާނަމަ އެ ނިންމުމާމެދު ށަކުވާ ހުށަހެޅުމުގެ ހައްގު ދޫކޮށްލީކަމުގައި ބެލެވޭނެއެވެ.
43 ވަނަ މާއްދާ - ކައުންސިލްގެ ނިންމުން ތަންފީޛުކުރުން
(ހ) ކައުންސިލަށް ހުށަހެޅޭ ށަކުވާއަކާ ގުޅިގެން ކައުންސިލުން ނިންމާ ނިންމުމެއް އެއްވެސް ފަރާތަކުން ކޯޓަށް ހުށަހަޅާފައިނުވާ ހާލަތުގައި އެ ނިންމުން ނިންމާތާ 30 (ތިރީސް) ދުވަސް ހަމަވުމާއެކު، އެ ނިންމުން ތަންފީޛުކޮށްފައިވޭތޯ ބަލައި، އެ ނިންމުން ތަންފީޛުކޮށްފައިނުވާނަމަ އެ ނިންމުން ތަންފީޛުކުރުމަށްޓަކައި ކޯޓަށް މައްސަލައެއް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހަޅާ މައްސަލައެއްގައި މައްސަލައިގެ މައުޒޫއާގުޅޭ އެއްވެސް ކަމެއް ކޯޓުން ބަލައިގެންނުވާނެއެވެ.
44 ވަނަ މާއްދާ - ކޯޓުން މައްސަލަ ބެލުން
(ހ) ކައުންސިލުން ނިންމާ ނިންމުމަކާ ގުޅިގެން ހުށަހަޅާ މައްސަލަތައް ހުށަހަޅަންވާނީ ކުއްޔަށްދޭ ތަން ނިސްބަތްވާ ސިޓީގައި ނުވަތަ ރަށުގައި މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ މައްސަލަތައް ހިންގަންވާނީ އަވަސްނިޔާ މައްސަލައެއްގެ ގޮތުގައެވެ.
(ނ) ކައުންސިލުން ނިންމާ ނިންމުމަކާމެދު ކޯޓަށް ހުށަހަޅާ ކޮންމެ މައްސަލައެއްގައިވެސް ކޯޓުން ބަލަންވާނީ ކައުންސިލުން ބަލާފައިވާ ކަންކަން މުރާޖައާކުރުމަށެވެ.
45 ވަނަ މާއްދާ - އާބިޓްރޭށަނަށް ހުށަހަޅަންޖެހޭ މައްސަލަތައް އިސްތިސްނާވުން
މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކުއްޔަށްހިފާ ފަރާތާއި ކުއްޔަށްދޭ ފަރާތާ ދެމެދު ވެވޭ ކުލީގެ އެއްބަސްވުމުގައި، އެ އެއްބަސްވުމާ ގުޅިގެން އުފެދޭ މައްސަލައެއް ހުށަހަޅަންވާނީ އާބިޓްރޭށަނަށްކަމަށް ބުނެފައިވާނަމަ، ގާނޫނު ނަންބަރު 10/2013 (އާބިޓްރޭށަނުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ ކޯޓުގައި އެފަދަ މައްސަލައެއް ނުބެލޭނެއެވެ.
ހަތްވަނަ ބާބު
ހާއްސަ އުސޫލުތައް
46 ވަނަ މާއްދާ - ބޯހިޔާވަހިކަމުގެ މަށްރޫއުގެ ދަށުން ދޫކޮށްފައިވާ ތަންތަނާގުޅޭ
(ހ) ސަރުކާރުން ހިންގާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަށްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ރޯހައުސްތަކާއި، ފްލެޓްތަކާއި ގޯތިފަދަ ތަންތަން ކުއްޔަށްދިނުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތަކެއް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ށ) ސަރުކާރުން ހިންގާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަށްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ރޯހައުސްތަކާއި، ފްލެޓްތަކާއި ގޯތިފަދަ ތަންތަނާ ގުޅިގެން އަމަލުކުރާނެ ހާއްސަ އުސޫލުތައް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދުގައި ކަނޑައެޅި ނަމަވެސް، ކުލީގެ އެއްބަސްވުމުގައި ހިމަނަންޖެހޭކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާއި، އެ އެއްބަސްވުމާ ގުޅޭގޮތުން ކައުންސިލަށް އެންގުމާއި، ށަކުވާ ހުށަހެޅުންފަދަ ކަންކަމާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް އެ ތަންތަނުގެ މައްޗަށްވެސް ހިނގާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.
- ކުއްޔަށްދެވޭނެ މުއްދަތު؛
- މުޅި ތަން އެއްކޮށް ކުއްޔަށްދިނުން މަނާވުން؛
- ތަނުގެ މިލްކުވެރިކަން ތަން ދޫކުރެވުނު ފަރާތުގެ ނަމަށް ބަދަލުވެ ރަޖިސްޓަރީކުރެވިފައިވާނަމަ މި މާއްދާގައިވާ އުސޫލުތައް ނުހިނގުން.
47 ވަނަ މާއްދާ - ބޯޑިންގ ހައުސްއާގުޅޭ އުސޫލުތައް
(ހ) ބޯޑިންގ ހައުސްގެގޮތުގައި ތަންތަން ހިންގޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ރަޖިސްޓަރީކުރެވިގެންނެވެ.
(ށ) ބޯޑިންގ ހައުސްއެއްގައި މީހަކު ބެހެއްޓޭނީ އެކަމަށްޓަކައި ބޯޑިންގ ހައުސް ހިންގާ ފަރާތާއި ބޯޑިން ހައުސްގައި ހުންނަ ފަރާތާ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކުޑަކުދިން ބައިތިއްބާ ބޯޑިންގ ހައުސްއެއްގައި ކުޑަކުއްޖަކު ބެހެއްޓޭނީ އެކަމަށްޓަކައި ބޯޑިންގ ހައުސް ހިންގާ ފަރާތާއި، ބޯޑިންގ ހައުސްގައި ހުންނަ ކުއްޖާގެ ބެލެނިވެރިޔާއާ ދެމެދު އެއްބަސްވުމެއް ހަދައި، އެ އެއްބަސްވުމާ އެއްގޮތަށެވެ.
48 ވަނަ މާއްދާ - އިމާރާތްކުރުމާއެކު ދިރިއުޅުމަށްޓަކައި ކުއްޔަށްދިނުން
ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން، ކުއްޔަށްހިފާ ފަރާތުން ދިރިއުޅުމަށްޓަކައި ދިގު މުއްދަތަކަށް ގޯތި ކުއްޔަށް ނެގުމަށްފަހު އިމާރާތްކުރުމަށް ކުއްޔަށްދިނުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
އަށްވަނަ ބާބު
އާންމު މާއްދާތައް
49 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
(ހ) މި ގާނޫނުގެ ދަށުން އަންނަނިވި ގަވާއިދުތައް ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
- ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ އާންމު ގަވާއިދު؛
- ކައުންސިލްތަކުން ށަކުވާ ބެލުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު؛
- ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ތަފުސީލުކޮށް ބަޔާންކުރާ ގަވާއިދު؛
- ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަން އިންސްޕެކްޓްކުރުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު؛
- ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަށްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ރޯހައުސްތަކާއި ފްލެޓްތައްފަދަ ތަންތަން ކުއްޔަށްދިނުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތަކާބެހޭ ގަވާއިދު؛
- ބޯޑިންގ ހައުސްގެގޮތުގައި ތަންތަން ކުއްޔަށްދިނުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތަކާބެހޭ ގަވާއިދު.
(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދާނީ މިނިސްޓްރީންނެވެ.
(ނ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަންފަށާތާ 90 (ނުވަދިހަ) ދުވަސް ހަމަވުމުގެ ކުރިން ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
50 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
51 ވަނަ މާއްދާ - މި ގާނޫނަށް އިސްކަންދިނުން
އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި އޮތްނަމަވެސް މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދިވެހިރާއްޖޭގައި ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ އެންމެހައި ތަންތަން ކުއްޔަށްދިނުމުގައި އިސްކަންދޭންވާނީ މި ގާނޫނަށެވެ.
52 ވަނަ މާއްދާ - ޖޫރިމަނާކުރުމާއި އަދަބު ކަނޑައެޅުން
(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ތަފުސީލުކުރާ އުސޫލުތަކުގެ ދަށުން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނާ ހިލާފުވެފައިވާ މިންވަރަށް ރިއާޔަތްކޮށް، އަންނަނިވި ތަރުތީބުން ފިޔަވަޅު އެޅުމުގެ އިހްތިޔާރު ކައުންސިލްތަކަށް ލިބިގެންވެއެވެ.
- ގާނޫނާ ހިލާފުވި ފުރަތަމަ ފަހަރު 1،000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- ތަކުރާރުކޮށް ގާނޫނާ ހިލާފުވާ ކޮންމެ ފަހަރަކު 3،000 (ތިންހާސް) ރުފިޔާއިން ޖޫރިމަނާކުރުން.
(ށ) މި ގާނޫނާ ހިލާފުވެގެން މި ގާނޫނުގެ ދަށުން ކަނޑައަޅާ ޖޫރިމަނާ ކުރާތާ ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެ ޖޫރިމަނާ ދައްކަންވާނެއެވެ.
53 ވަނަ މާއްދާ - މިހާރު އަމަލުކުރަމުންދާ ކުލީގެ އެއްބަސްވުންތަކާގުޅޭ
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ދިރިއުޅުމަށްޓަކައި ކުއްޔަށްދީފައިވާ ތަންތަނުގެ އެއްބަސްވުންތައް ތަންފީޛުކުރެވޭނެއެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މި ގާނޫނަށް އަމަލުކުރަން ފަށާއިރު ދިރިއުޅުމަށްޓަކައި ކުއްޔަށްދީފައިވާ ތަންތަނުގެ އެއްބަސްވުންތަކުގެ މައުލޫމާތު މި ގާނޫނުގެ 14 ވަނަ މާއްދާއާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުގެ ދަށުން ކައުންސިލަށް އަންގަންވާނެއެވެ.
(ނ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ދިރިއުޅުމަށްޓަކައި ކުއްޔަށްދީފައިވާ ތަންތަނާ ގުޅޭގޮތުން އަމަލުކުރަމުންދާ އެއްބަސްވުންތަކުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދެއްގައި، އެ އެއްބަސްވުންތަކާ ގުޅިގެން އުފެދޭ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ރ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ދިރިއުޅުމަށްޓަކައި ކުއްޔަށްދީފައިވާ ތަންތަނުގެ ތެރެއިން މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ކުލީގެ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން އެ އެއްބަސްވުން އާކުރަންޖެހޭ ހާލަތުގައި އަލުން އެކުލަވާލާ ކުލީގެ އެއްބަސްވުމެއްގައި މި ގާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވާންވާނެއެވެ.
(ބ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ދިރިއުޅުމަށްޓަކައި ކުއްޔަށްދީފައިވާތަންތަނާ ގުޅިގެން އަމަލުކުރާނެ ހާއްސަ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
54 ވަނަ މާއްދާ - އުވާލެވޭ ގާނޫނުގެ މާއްދާތަކާއި ގަވާއިދުތައް
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގާނޫނުގެ މާއްދާތަކާއި، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގަވާއިދުގެ ބައިތައް އުވުނީއެވެ.
(ހ) ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ 28 ވަނަ މާއްދާ.
(ށ) "ގޯއްޗާއި ގޯތީގައި ހަދާ އިމާރާތް ކުއްޔަށް ދިނުމާބެހޭ ގަވާއިދު" ގައި ދިރިއުޅުމަށް ކުއްޔަށްދިނުމާ ގުޅޭގޮތުން ހިމަނާފައިވާ އެންމެހައި މާއްދާތައް.
55 ވަނަ މާއްދާ - މާނަކުރުން
މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުންތަކެވެ.
(ހ) "ކުއްޔަށްދިނުން" ކަމަށް ބުނެފައި އެވަނީ، ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަނެއް ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތުން އެއްބަސްވެވޭ އަގަކަށް އެއްބަސްވެވޭ މުއްދަތަކަށް ކުއްޔަށްދޭ ތަން ކުއްޔަށްހިފާ ފަރާތަށް މިލްކުވެރިކަން ނަގުލުވުމެއްނެތި ބޭނުންކުރުމުގެ ހައްގު ލިބިދިނުމަށެވެ.
(ށ) "ކުލީގެ އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތާ މެދުގައި ވެވޭ އެއްބަސްވުމާއި، އެ އެއްބަސްވުމުގައި ހިމެނޭ އެންމެހައި ޖަދުވަލުތަކާއި، އެހެން އެއްބަސްވުމަކުން ކުއްޔަށްދިނުމަށް ވެވޭ އެއްބަސްވުމަށް ބަދަލެއް ނުވަތަ އުނި އިތުރެއް ގެނައުމަށް ވެވޭ އެއްބަސްވުންތަކާއި، އެ އެއްބަސްވުންތަކާގުޅޭ ޖަދުވަލުތަކުގައި ހިމެނޭ އެންމެހައި ލިޔެކިޔުން ހިމެނޭ ގޮތުގެމަތިންނެވެ.
(ނ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ގޯތި ގެދޮރާއި، އިމާރާތްތަކާއި، ބޯހިޔާވަހިކަމާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ގޯތި ގެދޮރާއި، އިމާރާތްތަކާއި، ބޯހިޔާވަހިކަމާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ބ) "ކުއްޔަށްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތަށެވެ.
(ޅ) "ކުއްޔަށްހިފާ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތަށެވެ.
(ކ) "ކުއްޔަށްދޭ ތަން" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމެއްގެ ދަށުން ކަނޑައެޅޭ މުއްދަތަކަށް ކުއްޔަށްހިފާ ފަރާތުން ބޭނުންކުރުމަށްޓަކައި ލިބިދެވޭ ތަނަކަށެވެ.
(އ) "ދިރިއުޅުމަށްޓަކައި ކުއްޔަށްދިނުން" ކަމަށް ބުނެފައި އެވަނީ، އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ނުވަތަ ބިމެއް އެ ތަނުގެ މިލްކުވެރިކަން ބަދަލުވުން ނުހިމެނޭގޮތަށް ކަނޑައެޅޭ ވަކިމުއްދަތަކަށް، ކުލީގެގޮތުގައި ކަނޑައެޅޭ އެއްޗެއްގެ ބަދަލުގައި އެ ތަނެއްގައި ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރުމަށް އެހެންފަރާތަކަށް ދިނުމަށެވެ.
(ވ) ކައުންސިލްތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުންނެވެ.
(މ) "ބޯޑިންގ ހައުސް" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅިފައިވާ ވަކި އަގަކަށް، ކަނޑައެޅިފައިވާ މުއްދަތަކަށް، ގޭގެއާންމު ތަންތަން ބޭނުންކުރެވޭގޮތަށް، ހުރުމާއި، ކެއިންބުއިމާއި ދިރިއުޅުމަށް ބޭނުންވާ އެހެނިހެން އަސާސީ ހިދުމަތް ފޯރުކޮށްދޭ ގެއަކަށެވެ.
(ފ) "ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، މައިންބަފައިންނާއި، ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިންނާއި ކުއްޖާގެ ބެލެނިވެރިކަމާ އެ ވަގުތަކު ހަވާލުވެ ތިބޭ މީހުންނަށެވެ. ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިން މާނަކުރާނީ، ގާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
- ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަންތަން އިންސްޕެކްޓް ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-27)
- ބޯޑިންގ ހައުސްގެ ގޮތުގައި ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތަކާ ބެހޭ ގަވާއިދު
- ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަށްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ރޯހައުސްތަކާއި ފުލެޓު ތައް ފަދަ ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ހާއްސަ އުސޫ ލުތަކާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-25)
- ކައުންސިލްތަކުން ށަކުވާ ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަ ވާއިދު (ގަވާއިދު ނަންބަރު 2022-24)
- ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2022-23)
- ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭ އަސާސީ މިންގަނޑުތައް ތަފުސީލުކޮށް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 2022-22)
- ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2021-21)
ކިޔުންތެރިންގެ ހިޔާލު