ދައުލަތުގެ އޮފީސްތަކާއެކު އެކި ފަރާތްތަކުން ކޮށްފައިވާ މުޢާމަލާތްތަކާ ގުޅިގެން ލުއި ދިނުމާއި، މަންފާ ހޯދައިދިނުމާއި، ފައިސާ މަޢާފުކޮށްދިނުމަށް ހުށަހަޅާ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު
(އުސޫލު ނަންބަރު 2025-01)
(މި އުސޫލަށް އަމަލުކުރަން ފެށީ 15 ޖަނަވަރީ 2025 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި އުސޫލަކީ، ދައުލަތުގެ ނަމުގައި، ދައުލަތުގެ އޮފީސްތަކުންނާއި، ކައުންސިލުތަކުން ހިންގާ މުއާމަލާތަކާ ގުޅިގެން ސީދާގޮތުން ވިޔަސް ނުވަތަ ނުސީދާގޮތުން ވިޔަސް، އެއްވެސް ލުޔެއް ނުވަތަ މަންފާއެއް އެއްވެސް ފަރާތަކަށް ހޯދައިދެވޭނެ، އަދި ދައުލަތަށް ނުވަތަ ކައުންސިލަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް މައާފުކޮށްދެވޭނެ ހާލަތްތަކާއި، އެފަދައިން އެއްވެސް ލުޔެއް ނުވަތަ މަންފާއެއް އެއްވެސް ފަރާތަކަށް ހޯދައިދިނުމުގައްޔާއި، ދައުލަތަށް ނުވަތަ ކައުންސިލަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް މައާފުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 1-9 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 12.14 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ އުސޫލެކެވެ.
(ށ) މި އުސޫލަށް ކިޔާނީ، "ދައުލަތުގެ އޮފީސްތަކާއެކު އެކި ފަރާތްތަކުން ކޮށްފައިވާ މުއާމަލާތްތަކާ ގުޅިގެން ލުއި ދިނުމާއި، މަންފާ ހޯދައިދިނުމާއި، ފައިސާ މައާފުކޮށްދިނުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.
2 ވަނަ މާއްދާ - އުސޫލުގެ މަގުސަދު
މި އުސޫލުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ދައުލަތުގެ ނަމުގައި ދައުލަތުގެ އޮފީސްތަކުންނާއި ކައުންސިލުތަކުން ހިންގާ މުއާމަލާތްތަކާ ގުޅިގެން ސީދާގޮތުން ވިޔަސް ނުވަތަ ނުސީދާގޮތުން ވިޔަސް، އެއްވެސް ލުޔެއް ނުވަތަ މަންފާއެއް އެއްވެސް މީހަކަށް ނުވަތަ ފަރާތަކަށް ހޯދައިދިނުމާއި ނުވަތަ ދިނުމަށް އެއްބަސްވުމާއި ނުވަތަ ދައުލަތަށް ނުވަތަ ކައުންސިލަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް މައާފުކޮށްދިނުމުގެ ސަބަބުން، ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވެދާނެ ހިރާސްތަކާއި ދިގު މުއްދަތުގައި ކޮށްފާނެ ނުރަނގަޅު އަސަރު ދެނެގަތުމަށް ބާރުއެޅުމާއެކު، ދައުލަތުގެ މާލިއްޔަތާމެދު އިތުބާރު ދެމެހެއްޓުމަށް ޓަކައި ދައުލަތުގެ އާމްދަނީއާއި، މުދަލާއި، އެނޫންވެސް ވަސީލަތްތައް ޒިންމާދާރުގޮތެއްގައި މެނޭޖްކުރެވޭކަން ކަށަވަރުކުރުން.
(ށ) މި އުސޫލުގެ ދަށުން އެއްވެސް ލުޔެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމުގައި ނުވަތަ ދައުލަތަށް ނުވަތަ ކައުންސިލަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް މައާފުކޮށްދިނުމުގައި އެ ލުއި ދެވޭ ނުވަތަ މަންފާ ހޯދައިދެވޭ ނުވަތަ މައާފުކޮށްދެވޭ މީހާއަށް ނުވަތަ ފަރާތަށް ލިބޭ ގެއްލުމަށާއި ނުވަތަ ކުރިމަތިވާ ދަތި ހާލަތަށާއި އިޖުތިމާއީ މަސްލަހަތަށާއި، އާންމު މަސްލަހަތަށް ރިއާޔަތްކޮށް، ހަމަހަމަކަމާއި އަދުލުވެރިކަމާއެކު އިޖުރާއަތު ހިންގުން.
(ނ) މި އުސޫލުގެ ދަށުން އެއްވެސް ލުޔެއް ދިނުމަށް ނުވަތަ މަންފާއެއް އެއްވެސް މީހަކަށް ނުވަތަ ފަރާތަކަށް ހޯދައިދިނުމަށް ނުވަތަ ލުޔެއް ދިނުމަށް ނުވަތަ މަންފާއެއް އެއްވެސް މީހަކަށް ނުވަތަ ފަރާތަކަށް ހޯދައިދިނުމަށް އެއްބަސްވުމަށް ނުވަތަ ދައުލަތަށް ނުވަތަ ކައުންސިލަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް މައާފުކޮށްދިނުމަށް އެދި ދައުލަތުގެ އޮފީސްތަކުންނާއި ކައުންސިލުތަކަށް ހުށަހަޅާ ހުށަހެޅުންތަކާމެދު ވަކި ގޮތެއް ނިންމުމުގައި މިނިސްޓްރީން ރިއާޔަތްކޮށް ބަލަންޖެހޭ އެންމެހައި ކަންކަމާއި އަމަލުކުރާނެ ގޮތުގެ ދެފުށްފެންނަ ހަރުދަނާ އިޖުރާއަތެއް ބަޔާންކުރުން.
3 ވަނަ މާއްދާ - ލުއި ނުވަތަ މަންފާ ހޯދުމަށް ނުވަތަ މައާފުކުރުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ މައުލޫމާތު
ލުއި ނުވަތަ މަންފާ ހޯދުމަށް ނުވަތަ މައާފުކުރުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ މައުލޫމާތު ދައުލަތުގެ އޮފީސްތަކުންނާއި ކައުންސިލްތަކުން ހިންގާ މުއާމަލާތަކާ ގުޅިގެން މި އުސޫލުގެ ދަށުން އެއްވެސް ލުޔެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ނުވަތަ ދައުލަތަށް ނުވަތަ ކައުންސިލަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް މައާފުކުރުމަށް އެދޭ ފަރާތްތަކުން އަންނަނިވި މައުލޫމާތު ކަމާބެހޭ ދައުލަތުގެ އޮފީހަށް ނުވަތަ ކައުންސިލަށް ހުށަހަޅަންވާނެއެވެ.
(ހ) ފައިސާ ދައްކަންޖެހޭ ފަރާތުގެ ނަން.
(ށ) ލުއި ދިނުމަށް ނުވަތަ މަންފާ ހޯދައިދިނުމަށް ނުވަތަ މައާފުކޮށްދިނުމަށް ބޭނުންވާ މުއާމަލާތުގެ ނުވަތަ މައްސަލައިގެ ފުރިހަމަ ތަފުސީލު.
(ނ) މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންޖެހި ނުދައްކައިވާ ކުއްޔާއި ޖޫރިމަނާއާއި އެނޫންވެސް ފައިސާގެ އަދަދު އެނގޭނޭހެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކުރާ ލިޔުން.
(ރ) ކުލި ނުވަތަ ޖޫރިމަނާ ނުވަތަ އެނޫންވެސް ފައިސާ ދައްކަން ހުށަހަޅާ ގޮތުގެ ތަފުސީލު.
4 ވަނަ މާއްދާ - ކައުންސިލްތައް ފިޔަވައި ދައުލަތުގެ އޮފީސްތަކުން އަމަލުކުރާނެ ގޮތް
(ހ) ދައުލަތުގެ ނަމުގައި ކައުންސިލުތައް ފިޔަވައި ދައުލަތުގެ އޮފީސްތަކުން ހިންގާ މުއާމަލާތަކާ ގުޅިގެން ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް، އެއްވެސް ލުޔެއް ނުވަތަ މަންފާއެއް އެއްވެސް މީހަކަށް ނުވަތަ ފަރާތަކަށް ހޯދައިދިނުމަށް ނުވަތަ ލުޔެއް ނުވަތަ މަންފާއެއް އެއްވެސް މީހަކަށް ނުވަތަ ފަރާތަކަށް ހޯދައިދިނުމަށް އެއްބަސްވުމަށް ނުވަތަ ދައުލަތަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް މައާފުކޮށްދިނުމަށް އެދި، ތިރީގައިވާ ކަންކަން ހިމަނައި ކަމާ ގުޅުންހުރި ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ.
- ލުއި ދިނުމަށް، ނުވަތަ މަންފާ ހޯދައިދިނުމަށް ނުވަތަ މައާފުކޮށްދިނުމަށް ބޭނުންވާ މުއާމަލާތުގެ ނުވަތަ މައްސަލައިގެ ފުރިހަމަ ތަފުސީލު (ވަކި ށަރުތުތަކަކާއެކު ލުޔެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ނުވަތަ މައާފުކޮށްދިނުމަށް އެދި ހުށަހަޅާ ނަމަ، އެ ށަރުތުތަކުގެ ފުރިހަމަ ތަފުސީލު ވެސް ހިމެނޭގޮތަށް)
- ތިރީގައިވާ ހާލަތްތަކުގެ ތެރެއިން، ލުޔެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ނުވަތަ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް މައާފުކޮށްދިނުމަށް އެދި ހުށަހަޅާ ހާލަތާއި، އެ ހާލަތު މެދުވެރިވިކަމަށް ފެންނަ ސަބަބުތަކުގެ ތަފްސީލު:
- ލުޔެއް ދެވޭ ނުވަތަ މަންފާއެއް ހޯދައިދެވޭ ނުވަތަ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް މައާފުކޮށްދެވޭ މީހަކަށް ނުވަތަ ފަރާތަކަށް ލިބޭ ގެއްލުމެއްގައި ނުވަތަ ކުރިމަތިވާ ދަތި ހާލަތެއްގައި، އެ މީހަކަށް ނުވަތަ އެ ފަރާތަކަށް އެފަދަ ލުޔެއް ނުވަތަ މަންފާއެއް ހޯދައިދިނުމަކީ ނުވަތަ އެފަދަ ފައިސާއެއް މައާފުކޮށްދިނުމަކީ އިޖުތިމާއީ މަސްލަހަތު ހިމެނޭ ކަމެއްކަމުގައި ކަމާ ގުޅުންހުރި ދައުލަތުގެ އޮފީހަކަށް ފެނުން؛ ނުވަތަ
- ލުޔެއް ދެވޭ ނުވަތަ މަންފާއެއް ހޯދައިދެވޭ ނުވަތަ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް މައާފުކޮށްދެވޭ މީހަކަށް ނުވަތަ ފަރާތަކަށް ލިބޭ ގެއްލުމެއްގައި ނުވަތަ ކުރިމަތިވާ ދަތި ހާލަތެއްގައި، އެ މީހަކަށް ނުވަތަ އެ ފަރާތަކަށް އެފަދަ ލުޔެއް ނުވަތަ މަންފާއެއް ހޯދައިދިނުމަކީ ނުވަތަ އެފަދަ ފައިސާއެއް މައާފުކޮށްދިނުމަކީ އަދުލުވެރި ކަމެއް ކަމުގައި ކަމާ ގުޅުންހުރި ދައުލަތުގެ އޮފީހަކަށް ފެނުން؛ ނުވަތަ
- ލުޔެއް ދެވޭ ނުވަތަ މަންފާއެއް ހޯދައިދެވޭ ނުވަތަ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް މައާފުކޮށްދެވޭ މީހަކަށް ނުވަތަ ފަރާތަކަށް ލިބޭ ގެއްލުމެއްގައި ނުވަތަ ކުރިމަތިވާ ދަތި ހާލަތެއްގައި އެ މީހަކަށް ނުވަތަ އެ ފަރާތަކަށް އެފަދަ ލުޔެއް ނުވަތަ މަންފާއެއް ހޯދައިދިނުމަކީ ނުވަތަ އެފަދަ ފައިސާއެއް މައާފުކޮށްދިނުމަކީ އެ ސަރަހައްދުގެ އެކަށީގެންވާ ނިސްބަތެއްގެ ބައެއްގެ މަސްލަހަތު ހިމެނޭ ކަމެއް ކަމުގައި ކަމާ ގުޅުންހުރި ދައުލަތުގެ އޮފީހަކަށް ފެނުން
- ލުއި ނުވަތަ މަންފާ ނުވަތަ މައާފު ލިބޭ ފަރާތަކީ، ޓެކްސް ދައްކަންޖެހޭ ފަރާތެއް ނަމަ، އެ ފަރާތުގެ ޓެކްސް ޑިއުސް ރިޕޯޓު؛
- ޓެކްސް ފިޔަވައި ދައުލަތަށް ދައްކަންޖެހޭ އެނޫންވެސް ފީ ނުވަތަ ކުލި ނުވަތަ އަގު ފަދަ ފައިސާއެއް (ލުއި ދިނުމަށް ނުވަތަ މައާފުކުރަން އެދޭ ފައިސާ ފިޔަވައި) ނަމަ އެކަމުގެ ތަފުސީލު؛
- ލުޔެއް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ނުވަތަ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް މައާފުކޮށްދިނުމަށް ބޭނުންވާ މުއާމަލާތާ ގުޅިގެން ދައުލަތުގެ އޮފީހަކާއެކު ވެފައިވާ އެއްބަސްވުމެއް އޮތް ނަމަ، އެ އެއްބަސްވުމުގެ ކޮޕީ (އެއްބަސްވުމަށް ގެނެސްފައިވާ އިސްލާހުތައް ހިމެނޭހެން)؛
- ލުޔެއް ނުވަތަ މަންފާއެއް ހޯދުމަށް ނުވަތަ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް މައާފުކޮށްދިނުމަށް އެދި ހުށަހަޅާ މުއާމަލާތާ ގުޅިގެން، އެ މީހަކަށް ނުވަތަ އެ ފަރާތަކަށް ލިބުނު ގެއްލުމާއި ކުރިމަތިވެފައިވާ ދަތި ހާލަތު ބަޔާންކޮށް ދައުލަތުގެ އޮފީހުން ތައްޔާރުކޮށްފައިވާ އެސެސްމަންޓް. މި އެސެސްމަންޓުގައި، އެންމެ މަދުވެގެން، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ހާލަތު ހުރިގޮތުން ފައިސާ ދެއްކެން ނެތްކަން ސާބިތުކޮށްދޭ ލިޔެކިޔުން (މިސާލަކަށް: ކުންފުނީގެ ނުވަތަ މީހާގެ މާލީ ހާލަތު އަންގައިދޭ ލިޔެކިޔުން ނުވަތަ ބޭންކު ސްޓޭޓްމަންޓް ނުވަތަ އޮޑިޓެޑް ފައިނޭންށަލްސް ފަދަ ލިޔެކިޔުން)؛
- އެ ފަރާތަށް އެ ފައިސާ ނުދެއްކޭނެ އެކަށީގެންވާ ސަބަބުތައް؛
- ޖޫރިމަނާއެއް ލުއިކޮށްދިނުމަށް ނުވަތަ މައާފުކޮށްދިނުމަށް ހުށަހަޅާ ނަމަ، އެ ޖޫރިމަނާކުރި ހާލަތު (ސަބަބު) ނުވަތަ ޖޫރިމަނާކުރި ކުށުގެ ނުވަތަ ހިލާފުވި ހިލާފުވުމުގެ ކުޑަބޮޑުމިން (ކަމުގެ ސީރިއަސްކަމާއި އެ ކަމެއް ތަކުރާރުކޮށްފައިވާ ނަމަ، ތަކުރާރުކުރި އަދަދު) އަންގައިދޭ ތަފުސީލު.
- ލުޔެއް ނުވަތަ މަންފާއެއް ހޯދުމަށް ނުވަތަ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް މައާފުކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުން، ހުށަހަޅާ ފަރާތާއި ދައުލަތުގެ އޮފީހަކާ ދެމެދުގައި އެ މުއާމަލާތަކާ ގުޅޭގޮތުން ބަދަލުކޮށްފައިވާ އެއްވެސް ލިޔެކިޔުމެއް ހުރި ނަމަ އެ ލިޔެކިޔުންތައް؛
- ލުޔެއް ނުވަތަ މަންފާއެއް ހޯދުމަށް ނުވަތަ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް މައާފުކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ ފައިސާއާ ނުވަތަ މާލީ އިލްތިޒާމާ ގުޅުންހުރި އެއްވެސް މައްސަލައެއް ށަރުއީ ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ހުށަހަޅައިފައިވާ ނަމަ އެ މައްސަލައިގެ ތަފުސީލާއި، އެ ހުށަހެޅުމަކާ ގުޅިގެން ލުއި ނުވަތަ މަންފާ ނުވަތަ މައާފު ދިނުމާމެދު ބަންޑާރަނައިބު ދެކޭގޮތް އަންގައިދޭ ބަންޑާރަނައިބުގެ އޮފީހުގެ ލިޔުމެއް.
(ށ) ލުޔެއް ނުވަތަ މަންފާއެއް ހޯދުމަށް ނުވަތަ ލުޔެއް ނުވަތަ މަންފާއެއް ހޯދައިދިނުމަށް އެއްބަސްވުމަށް، ނުވަތަ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް މައާފުކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތެއް އޮތްކަމަށް މިނިސްޓަރަށް ނުފެންނަ ނަމަ، މިނިސްޓަރުގެ ލަފަޔާއެކު ނުފެންނަ ސަބަބު ބަޔާންކޮށް އެ ހުށަހެޅުމާމެދު އެ އޮފީހަކުން އަމަލުކުރާނެ ގޮތެއް މިނިސްޓްރީން ލިޔުމުން އެ އޮފީހަކަށް އަންގަންވާނެއެވެ.
(ނ) ލުޔެއް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ނުވަތަ ލުޔެއް ނުވަތަ މަންފާއެއް ހޯދައިދިނުމަށް އެއްބަސްވުމަށް، ނުވަތަ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް މައާފުކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތެއް އޮތްކަމަށް މިނިސްޓަރަށް ފެންނަ ނަމަ، އެ ހާލަތަކީ ކޮބައިކަން ބަޔާންކޮށް، އެގޮތުގެ މަތީން އެ މުއާމަލާތަކަށް ލުޔެއް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ނުވަތަ ލުޔެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމަށް އެއްބަސްވުމަށް، ނުވަތަ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް މައާފުކޮށްދިނުމަށް ފެންނަކަން ބަޔާންކޮށް އެކަމާ ގުޅޭ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާގެ ހުއްދައަށް އެދި މިނިސްޓަރު ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާގެ ހުއްދައަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުމަކަށް ހުއްދަ ދިނުމާމެދު ރައީސުލްޖުމްހޫރިއްޔާ ނިންމިގޮތުގެ މައުލޫމާތު، މިނިސްޓްރީން ލިޔުމުން އެ އޮފީހަކަށް އަންގަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ރައީސުލްޖުމްހޫރިއްޔާގެ ނިންމުން މިނިސްޓަރު އެ އޮފީހަކަށް އެންގުމުން، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތަށް، އެ އޮފީހެއްގެ ހިސާބުތަކުގައި ހިމަނަންވާނެއެވެ.
(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާގެ ހުއްދައަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުމަކަށް ހުއްދަ ދެވެން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފި ނަމަ އެ މުއާމަލާތަކާ ގުޅިގެން އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާގެ އިރުށާދާއެކު މިނިސްޓަރެވެ.
5 ވަނަ މާއްދާ - ކައުންސިލުތަކުން އަމަލުކުރާނެ ގޮތް
(ހ) ކައުންސިލުތަކުން ހިންގާ މުއާމަލާތަކާ ގުޅިގެން ސީދާގޮތުން ވިޔަސް، ނުވަތަ ނުސީދާގޮތުން ވިޔަސް އެއްވެސް ލުޔެއް ދެވޭނީ، ނުވަތަ މަންފާއެއް ހޯދައިދެވޭނީ ނުވަތަ ކައުންސިލަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް މައާފުކޮށްދެވޭނީ ތިރީގައިވާ ހާލަތްތަކުންކުރެ ހާލަތެއްގައި، އެ ކައުންސިލެއްގެ މާލީ ޒިންމާދާރު ވެރިޔާ، އެކަން ކައުންސިލަށް ހުށަހެޅުމުން، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެފަދަ ލުޔެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ނުވަތަ އެފަދަ ފައިސާއެއް މައާފުކުރުމަށް އެ ކައުންސިލަކުން ފާސްކުރާ ގޮތެއްގެ މަތީންނެވެ.
- ލުޔެއް ދެވޭ ނުވަތަ މަންފާއެއް ހޯދައިދެވޭ ނުވަތަ ކައުންސިލަށް ލިބެންޖެހޭ ފައިސާއެއް މައާފުކޮށްދެވޭ މީހަކަށް ނުވަތަ ފަރާތަކަށް ލިބޭ ގެއްލުމެއްގައި ނުވަތަ ކުރިމަތިވާ ދަތި ހާލަތެއްގައި އެ މީހަކަށް ނުވަތަ އެ ފަރާތަކަށް އެފަދަ ލުޔެއް ދިނުމަކީ ނުވަތަ މަންފާއެއް ހޯދައިދިނުމަކީ ނުވަތަ ފައިސާއެއް މައާފުކޮށްދިނުމަކީ އިޖުތިމާއީ މަސްލަހަތު ހިމެނޭ ކަމެއް ކަމުގައި ކައުންސިލަށް ފެނުން؛ ނުވަތަ
- ލުޔެއް ދެވޭ ނުވަތަ މަންފާއެއް ހޯދައިދެވޭ ނުވަތަ ކައުންސިލަށް ލިބެންޖެހޭ ފައިސާއެއް މައާފުކޮށްދެވޭ މީހަކަށް ނުވަތަ ފަރާތަކަށް ލިބޭ ގެއްލުމެއްގައި ނުވަތަ ކުރިމަތިވާ ދަތި ހާލަތެއްގައި އެ މީހަކަށް ނުވަތަ އެ ފަރާތަކަށް އެފަދަ ލުޔެއް ދިނުމަކީ ނުވަތަ މަންފާއެއް ހޯދައިދިނުމަކީ ނުވަތަ ފައިސާއެއް މައާފުކޮށްދިނުމަކީ އަދުލުވެރި ކަމެއް ކަމުގައި ކައުންސިލަށް ފެނުން؛ ނުވަތަ
- ލުޔެއް ދެވޭ ނުވަތަ މަންފާއެއް ހޯދައިދެވޭ ނުވަތަ ކައުންސިލަށް ލިބެންޖެހޭ ފައިސާއެއް މައާފުކޮށްދެވޭ މީހަކަށް ނުވަތަ ފަރާތަކަށް ލިބޭ ގެއްލުމެއްގައި ނުވަތަ ކުރިމަތިވާ ދަތި ހާލަތެއްގައި އެ މީހަކަށް ނުވަތަ އެ ފަރާތަކަށް އެފަދަ ލުޔެއް ދިނުމަކީ ނުވަތަ މަންފާއެއް ހޯދައިދިނުމަކީ ނުވަތަ ފައިސާއެއް މައާފުކޮށްދިނުމަކީ، އެ ސަރަހައްދުގެ އެކަށީގެންވާ ނިސްބަތެއްގެ ބައެއްގެ މަސްލަހަތު ހިމެނޭ ކަމެއް ކަމުގައި ކައުންސިލަށް ފެނުން.
(ށ) ކައުންސިލުތަކުން ހިންގާ މުއާމަލާތަކާ ގުޅިގެން ލުޔެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ނުވަތަ ކައުންސިލަށް ލިބެންޖެހޭ ފައިސާއެއް މައާފުކޮށްދިނުމަށް އެދޭ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް އަންނަނިވި މައުލޫމާތާއެކު، އެ ކައުންސިލެއްގެ މާލީ ޒިންމާދާރު ވެރިޔާ ކައުންސިލަށް ހުށަހަޅަންވާނެއެވެ.
- ލުއި ދިނުމަށް ނުވަތަ މަންފާ ހޯދައިދިނުމަށް ނުވަތަ މައާފުކޮށްދިނުމަށް ބޭނުންވާ މުއާމަލާތުގެ ފުރިހަމަ ތަފުސީލު (ވަކި ށަރުތުތަކަކާއެކު ލުއެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ނުވަތަ މައާފުކޮށްދިނުމަށް އެދި ހުށަހަޅާ ނަމަ، އެ ށަރުތުތަކުގެ ފުރިހަމަ ތަފުސީލު ވެސް ހިމެނޭގޮތަށް)؛
- ލުއި ނުވަތަ މަންފާ ނުވަތަ މައާފު ލިބޭ ފަރާތަކީ ޓެކްސް ދައްކަންޖެހޭ ފަރާތެއް ނަމަ، އެ ފަރާތުގެ ޓެކްސް ޑިއުސް ރިޕޯޓު؛
- ޓެކްސް ފިޔަވައި، ދައުލަތަށް ދައްކަންޖެހޭ އެނޫންވެސް ފީ ނުވަތަ ކުލި ނުވަތަ އަގު ފަދަ ފައިސާއެއް ލުއި ނުވަތަ މައާފުކުރަން އެދޭ ފައިސާ (ފިޔަވައި) ވާ ނަމަ، އެކަމުގެ ތަފުސީލު؛
- ލުޔެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ނުވަތަ ކައުންސިލަށް ލިބެންޖެހޭ ފައިސާއެއް މައާފުކޮށްދިނުމަށް ބޭނުންވާ މުއާމަލާތާ ގުޅިގެން، އެ ކައުންސިލަކާއެކު ވެފައިވާ އެއްބަސްވުމެއް އޮތް ނަމަ، އެ އެއްބަސްވުމުގެ ކޮޕީ (އެއްބަސްވުމަށް ގެނެސްފައިވާ އިސްލާހުތައް ހިމެނޭހެން)؛
- ލުޔެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ނުވަތަ ކައުންސިލަށް ލިބެންޖެހޭ ފައިސާއެއް މައާފުކޮށްދިނުމަށް އެދި ކައުންސިލަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުން، ހުށަހަޅާ ފަރާތާއި ކައުންސިލާ ދެމެދުގައި ބަދަލުކޮށްފައިވާ އެއްވެސް ލިޔެކިޔުމެއް ހުރި ނަމަ އެ ލިޔެކިޔުން؛
- ލުޔެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ނުވަތަ ކައުންސިލަށް ލިބެންޖެހޭ ފައިސާއެއް މައާފުކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުން ށަރުއީ ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް އެއްވެސް މައްސަލައެއް ހުށަހަޅާފައިވާ ނަމަ، އެ މައްސަލައިގެ ތަފުސީލު.
(ނ) ލުޔެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ނުވަތަ ކައުންސިލަށް ލިބެންޖެހޭ ފައިސާއެއް މައާފުކޮށްދިނުމަށް އެދި ހުށަހަޅާ މުއާމަލާތަކާ ގުޅިގެން، އެ މީހަކަށް ނުވަތަ އެ ފަރާތަކަށް ލިބުނު ގެއްލުމާއި ކުރިމަތިވެފައިވާ ދަތި ހާލަތު ބަޔާންކޮށް، ކައުންސިލުން އެސެސްމަންޓެއް ތައްޔާރުކުރަންވާނެއެވެ. މި އެސެސްމަންޓުގައި، އެންމެ މަދުވެގެން، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- އެ މީހެއްގެ ނުވަތަ އެ ފަރާތެއްގެ ހާލަތު ހުރިގޮތުން ފައިސާ ދެއްކެން ނެތްކަން ސާބިތުކޮށްދޭ ލިޔެކިޔުން (މިސާލަކަށް: ކުންފުނީގެ ނުވަތަ މީހާގެ މާލީ ހާލަތު އަންގައިދޭ ލިޔެކިޔުން ނުވަތަ ބޭންކު ސްޓޭޓްމަންޓް ނުވަތަ އޮޑިޓެޑް ފައިނޭންށަލްސް ފަދަ ލިޔެކިޔުން)؛
- އެ މީހަކަށް ނުވަތަ އެ ފަރާތަކަށް އެ ފައިސާ ނުދެއްކޭނެ އެކަށީގެންވާ ސަބަބުތައް؛
- ޖޫރިމަނާއެއް ލުއިކޮށްދިނުމަށް ނުވަތަ މައާފުކޮށްދިނުމަށް ހުށަހަޅާ ނަމަ، އެ ޖޫރިމަނާކުރި ހާލަތުގެ ސަބަބު ނުވަތަ ޖޫރިމަނާކުރި ކުށުގެ ނުވަތަ ހިލާފުވި ހިލާފުވުމުގެ ކުޑަބޮޑުމިން ފަދަ ކަންކަން (ކުށުގެ ސީރިއަސްކަމާއި އެ ކަމެއް ތަކުރާރުކޮށްފައިވާ ނަމަ ތަކުރާރުކުރި އަދަދު އަންގައިދޭ ތަފުސީލު)
(ރ) މި މާއްދާގެ ދަށުން ކައުންސިލަކުން ނިންމާ އެންމެހައި ނިންމުންތައް، އެ ނިންމުމެއް ނިންމާތާ 7 (ހަތެއް) ރަސްމީ ދުވަހުގެ ތެރޭގައި، މިނިސްޓްރީއަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
6 ވަނަ މާއްދާ - ރަޖިސްޓަރީ ބެލެހެއްޓުން
މި އުސޫލުގެ ދަށުން ކައުންސިލުތަކުން ނިންމާ ނިންމުންތަކުގެ ރަޖިސްޓަރީއެއް، މިނިސްޓްރީންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ބަލަހައްޓަންވާނެއެވެ. އަދި ދައުލަތުގެ އޮފީސްތަކުން ނިންމާ ނިންމުންތަކުގެ ކޮންސޮލިޑޭޓެޑް ރަޖިސްޓަރީއެއް، މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.
7 ވަނަ މާއްދާ - ހިސާބު ބެލެހެއްޓުން
މި އުސޫލުގެ ދަށުން އެއްވެސް މީހަކަށް ނުވަތަ އެއްވެސް ފަރާތަކަށް ދޭ ނުވަތަ ދިނުމަށް އެއްބަސްވެވޭ ލުޔެއް ނުވަތަ ހޯދައިދެވޭ މަންފާ ނުވަތަ މައާފުކޮށްދޭ ފައިސާ އެ މުއާމަލާތެއް ކުރިޔަށްގެންދާ ކައުންސިލަކުން ނުވަތަ ދައުލަތުގެ އޮފީހަކުން ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތިން، ހިސާބުތަކުގައި ހިމަނައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
8 ވަނަ މާއްދާ - ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލުއި ދިނުމާ ނުވަތަ މައާފުދިނުމާ ގުޅޭ
ގާނޫނު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި، ގަވާއިދު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ދައްކަންޖެހި ނުދައްކައިވާ ކުއްޔާއި، ކުލި ނުދެއްކުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާ އަދި އިންޓަރެސްޓް ދެއްކުމަށް ލުޔެއް ހޯދުމަށް އެދި ހުށަހަޅާނީ، ފަތުރުވެރިކަމާބެހޭ ވުޒާރާއަށް، އަންނަނިވި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ހ) މި މާއްދާގެ ދަށުން ލުއި ހޯދުމަށް އެދި ހުށަހެޅޭނެ މުއްދަތަކީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަސް ހަމަވާ ތާރީހާ ހަމައަށެވެ.
(ށ) މި މާއްދާގެ ދަށުން ލުއި ހޯދުމަށް އެދޭ ހާލަތުގައި، އަންނަނިވި މައުލޫމާތު، ލުއި ހޯދަން އެދޭ ފަރާތުން ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ހުށަހަޅަންވާނެއެވެ.
- ކުލި ދައްކަންޖެހޭ ފަރާތުގެ ނަން.
- ކުލި ނިސްބަތްވާ ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ ނަން.
- ދައްކަންޖެހި ނުދައްކައިވާ ކުއްޔާއި ޖޫރިމަނާ އަދި/ނުވަތަ އިންޓަރެސްޓުގެ އަދަދު އެނގޭނޭހެން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކުރާ ލިޔުން.
- ދައްކަންޖެހި ނުދައްކައިވާ ކުލި އަދި/ނުވަތަ ޖޫރިމަނާ އަދި/ނުވަތަ އިންޓަރެސްޓް ދައްކަން ހުށަހަޅާ ގޮތުގެ ތަފުސީލު.
- ދައްކަންޖެހި ނުދައްކައިވާ ކުއްޔާއި ޖޫރިމަނާއާއި އިންޓަރެސްޓުގެ އަދަދާ ގުޅިގެން، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރުމުގެ ކުރިން އެއްވެސް ލުޔެއް ދީފައިވާ ނަމަ، ނުވަތަ މަންފާއެއް ހޯދައިދީފައިވާ ނަމަ، އެކަމުގެ ތަފުސީލު.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ހުށަހެޅިދާނެއެވެ.
- ދައްކަންޖެހި ނުދައްކައިވާ ޖުމުލަ ކުލި، އެކީ އެއްފަހަރާ ދެއްކުމަށް ނުވަތަ
- ދައްކަންޖެހި ނުދައްކައިވާ ކުއްޔާއި، ކުލި ނުދެއްކުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާ އަދި/ނުވަތަ އިންޓަރެސްޓް، އިންސްޓޯލްމަންޓް އެއްބަސްވުމެއްގެ ދަށުން އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމަށް ނުވަތަ
- ހަމައެކަނި ޖޫރިމަނާ އަދި/ނުވަތަ އިންޓަރެސްޓް ދައްކަންޖެހޭ ފަރާތެއް ނަމަ، މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހުގެ ކުރިން ހިނގައިފައިވާ ކުއާޓަރުތަކަށް އެހައިތަނަށް އަރައިފައިވާ ޖޫރިމަނާ އަދި/ނުވަތަ އިންޓަރެސްޓް މައާފުކޮށްދިނުމަށް،
(ރ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ހުށަހަޅާ ހުށަހެޅުންތައް މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭގޮތުން ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ބ) މި މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން މިނިސްޓްރީން ލުއި ދޭނީ އަދި/ނުވަތަ މައާފު ހޯދައިދޭނީ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދުމަށްފަހުގައެވެ.
(ޅ) ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި، ފަޅުފަޅާއި، ބިންބިމާ ގުޅިގެން ދައްކަންޖެހި ނުދައްކައިވާ ކުލި އެކީ އެއްފަހަރާ ދައްކާނީ ނުވަތަ އަޕްފްރަންޓް ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާނީ އެ ފައިސާ ދެއްކުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން އަންގާތާ ގިނަވެގެން 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައެވެ.
(ކ) މި މާއްދާގައިވާ ގޮތުގެ މަތީން ފައިސާ ދައްކާ ފަރާތްތަކަށް އެ ފަރާތްތަކުން ކުލި ނުދެއްކުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާއާއި އިންޓަރެސްޓް، ތިރީގައިވާ ގޮތުގެ މަތީން މައާފުކޮށްދެވޭނެއެވެ.
- ދައްކަންޖެހި ނުދައްކައިވާ ކުލި އެކީ އެއްފަހަރާ ދައްކައިފި ނަމަ، މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހުގެ ކުރިން ހިނގައިފައިވާ ކުއާޓަރުތަކަށް އެހައިތަނަށް އަރައިފައިވާ ޖޫރިމަނާ އަދި/ނުވަތަ އިންޓަރެސްޓް މައާފުކޮށްދިނުން، ނުވަތަ
- ހަމައެކަނި ޖޫރިމަނާ އަދި/ނުވަތަ އިންޓްރެސްޓް ދައްކަންޖެހޭ ފަރާތެއް ނަމަ، މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހުގެ ކުރިން ހިނގައިފައިވާ ކުއާޓަރުތަކަށް އެހައިތަނަށް އަރައިފައިވާ ޖޫރިމަނާ އަދި/ނުވަތަ އިންޓަރެސްޓް މައާފުކޮށްދިނުން، ނުވަތަ
- ދައްކަންޖެހި ނުދައްކައިވާ ކުއްޔާއި ކުލިނުދެއްކުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާ އަދި/ނުވަތަ އިންޓަރެސްޓް އިންސްޓޯލްމަންޓަށް ބަހައިލައިގެން ދައްކައި ހަލާސްކޮށްފި ނަމަ، މި މާއްދާގެ (އ) އާ އެއްގޮތްވާ ގޮތުގެ މަތިން ޖޫރިމަނާ އަދި/ނުވަތަ އިންޓަރެސްޓް މައާފުކޮށްދިނުން؛ އަދި
- އިންސްޓޯލްމަންޓް އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކައި ހަލާސްކޮށްފި ނަމަ، އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ފައިސާ ދައްކައި ހަލާސްކުރުމުގެ ނިޔަލަށް އަރައިފައިވާ ޖޫރިމަނާ އަދި/ނުވަތަ އިންޓްރެސްޓް މައާފުކޮށްދިނުން.
(އ) ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި، ފަޅުފަޅާއި، ބިންބިމާ ގުޅިގެން ދައްކަންޖެހި ނުދައްކައިވާ ކުއްޔާއި ކުލި ނުދެއްކުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާ އަދި/ނުވަތަ އިންޓަރެސްޓް އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމަށް ލުއި ދެވޭނީ މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަޕްފްރަންޓް ޕޭމަންޓް އެކީ އެއްފަހަރާ ދައްކައި ހަލާސްކުރުމުންނެވެ.
(ވ) މި މާއްދާގެ (ކ) ގެ (3) ވަނަ ނަންބަރުގެ ދަށުން މައާފުކުރެވޭނެ ޖޫރިމަނާއާއި އިންޓަރެސްޓްގެ އަދަދަކީ އަޕްފްރަންޓް ޕޭމަންޓުގެ އިންސައްތައާއި ޖުމުލަ ޖޫރިމަނާއާއި އިންޓަރެސްޓް ގުނަކުރުމުން އަންނަ އަދަދެވެ.
(މ) މި އުސޫލުގެ ޖަދުވަލު 1 ގެ ކެޓެގަރީ 1 އާއި 2 އާއި 3 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަޕްފްރަންޓް ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ އިންސައްތަ ކަނޑައަޅާނީ ފަތުރުވެރިކަމާބެހޭ ވުޒާރާއިންނެވެ.
(ފ) މި މާއްދާގެ ދަށުން ލުއި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާ ހާލަތުގައި ފަތުރުވެރިކަމާބެހޭ ވުޒާރާއިން ތިރީގައިވާ ގޮތުގެ މަތިން ލުއި ދެވުނު ފަރާތާއެކު އިންސްޓޯލްމަންޓް އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ.
- މި އުސޫލުގެ ޖަދުވަލު 1 ގައިވާ ކެޓެގަރީތަކުގެ ތެރެއިން ކެޓެގަރީއަކަށް ނިސްބަތްވާ ގޮތަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ކަނޑައަޅާ އިންސައްތައާއި، ދައްކަންޖެހި ނުދައްކާ އޮތް ޖުމުލަ ކުލި ގުނަކުރުމުން ޖެހޭ އަދަދަކީ، ލުއި ދެވުނު ފަރާތުން ދައްކަންޖެހޭ އަޕްރްރަންޓް ޕޭމަންޓުކަމުގައި ކަނޑައެޅުން؛
- އަޕްފްރަންޓް ޕޭމަންޓް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކައި ހަލާސްކުރުމަށްފަހު އިންސްޓޯލްމަންޓް އެއްބަސްވުމުގައި ސޮއިކުރުން؛
- ހިނގަމުންދާ މުއްދަތުގެ އެއްވެސް ކުއާޓަރެއްގެ ކުލި ދައްކަންޖެހޭ ސުންގަޑީގެ ނިޔަލަށް ދައްކައިފައި ނުވާ ނަމަ، ނުވަތަ އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން އިންސްޓޯލްމަންޓަށް ބަހައިލައިގެން ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ ސުންގަޑީގެ ފަހުން 30 (ތިރީސް) ދުވަހުގެ ތެރޭގައި ނުދެއްކުމަކީ، އިންސްޓޯލްމަންޓް އެއްބަސްވުން ބާޠިލުވާނެ ހާލަތެއްކަމަށް އިންސްޓޯލްމަންޓް އެއްބަސްވުމުގައި ބަޔާންކުރުން.
- މި މާއްދާގެ (ކ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ޖޫރިމަނާ އަދި/ނުވަތަ އިންޓަރެސްޓް މައާފުކުރެވޭނެކަން އިންސްޓޯލްމަންޓް އެއްބަސްވުމުގައި ބަޔާންކުރުން.
(ދ) އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމަށްވާ އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަން ފަށާނީ، އެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހަށްފަހު ވިދިގެން އަންނަ ކުއާޓަރު ދޫކޮށް ދެން ޖެހިގެން އަންނަ ކުއާޓަރަށް ކުލި ދެއްކުމަށް އަންނަ ސުންގަޑިން ފެށިގެންނެވެ.
(ތ) މި މާއްދާގެ ދަށުން ދައްކާ ފައިސާ އަޅައިކެނޑޭނީ، ދައްކަންޖެހިފައިވާ ކުލީގެ އަދަދު، ދެން ޖޫރިމަނާ އަދި އެއަށްފަހު އިންޓްރެސްޓް، މި ތަރުތީބުންނެވެ.
(ލ) މި މާއްދާގައިވާ ގޮތުގެ މަތީން އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދިން ނަމަވެސް، އިންސްޓޯލްމަންޓުގެ ދަށުން ދައްކާ ކުލި ދައްކަންޖެހޭ އަސްލު ސުންގަޑިން ފެށިގެން ފައިސާ ދައްކައި ހަލާސްކުރުމާ ހަމަޔަށް، ކަމާބެހޭ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތީން ޖޫރިމަނާއާއި އިންޓްރެސްޓް އަރަމުންދާނެއެވެ.
(ގ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި އުސޫލަށް އަމަލުކުރަން ފަށާއިރު، ފައިސާ ނުދައްކާ އޮތް ފަރާތެއްގެ މައްޗަށް އެ ފައިސާ ހޯދުމަށް ދައުލަތުން ކޯޓުގައި ދައުވާ އުފުލައި ކޯޓުން އެކަމަށް ހުކުމެއް ކޮށްފައިވާ ނަމަ މި އުސޫލާ އެއްގޮތަށް ލުއި ހޯދުމަށް ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.
(ޏ) މި މާއްދާގައިވާ ގޮތުގެ މަތީން އަމަލުކުރެވޭނީ ހަމައެކަނި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެންނެވެ.
(ސ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކާނީ އެމެރިކާ ޑޮލަރުންނެވެ.
9 ވަނަ މާއްދާ - މުސްތަގުބަލުގެ މާލީ އިލްތިޒާމުތަކަށް ލުއި، މަންފާ އަދި މައާފު ނުދިނުން
އެއްވެސް ފަރާތަކުން މުސްތަގުބަލުގައި ދައްކަންޖެހޭ އެއްވެސް ފައިސާއަކަށް ނުވަތަ މާލީ އިލްތިޒާމަކަށް، މި އުސޫލުގެ ދަށުން މައާފެއް ނުދެވޭނެއެވެ. އަދި އެ ފައިސާއަކަށް ނުވަތަ މާލީ އިލްތިޒާމަކަށް، މި އުސޫލުގެ ދަށުން ލުޔެއް ނުވަތަ މަންފާއެއް ވެސް ހޯދައެއް ނުދެވޭނެއެވެ.
10 ވަނަ މާއްދާ - މާނަކުރުން
މި އުސޫލުގައި ބޭނުންކޮށްފައިވާ ކޮންމެ ލަފުޒެއް ނުވަތަ އިބާރާތެއް، ކަނޑައެޅިގެން އެހެން ގޮތަކަށް މާނަކޮށްފައި ނުވާހައި ހިނދަކު މާނަކުރާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައި އެ ލަފުޒެއް ނުވަތަ އިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ. އަދި މި އުސޫލުގައި ބޭނުންކޮށްފައިވާ އަންނަނިވި އިބާރާތްތަކާއި ލަފުޒުތައް އެ ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އެ ލަފުޒު ނުވަތަ އިބާރާތް މާނަކުރާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
(ހ) "ލުއި" ކަމަށް ބުނެފައި އެވަނީ، އެ މީހަކު ނުވަތަ އެ ފަރާތަކުން އަދާކުރަންޖެހޭ ފައިސާއެއް ނުވަތަ މާލީ އިލްތިޒާމެއް ނުވަތަ މާލީ ކަމަކާ ގުޅޭ އިލްތިޒާމެއް އަދާކުރުމުގައި ދެވޭ މާލީ ފައިދާ ނޫން އެހެނިހެން ފައިދާތަކަށެވެ.
(ށ) "މަންފާ" ކަމަށް ބުނެފައި އެވަނީ، އެ މީހަކު ނުވަތަ އެ ފަރާތަކުން އަދާކުރަންޖެހޭ ފައިސާއެއް ނުވަތަ މާލީ އިލްތިޒާމެއް ނުވަތަ މާލީ ކަމަކާ ގުޅޭ އިލްތިޒާމަކާ ގުޅިގެން ހޯދައިދެވޭ މާލީ ފައިދާއަށެވެ.
(ނ) "މައާފުކުރުން" ކަމަށް ބުނެފައި އެވަނީ، އެ މީހަކު ނުވަތަ އެ ފަރާތަކުން އަދާކުރަންޖެހޭ ފައިސާއެއް ނުވަތަ މާލީ އިލްތިޒާމެއް ނުވަތަ މާލީ ކަމަކާ ގުޅޭ އިލްތިޒާމެއް އެކުއެކީގައި ނުވަތަ އެއިން ބައެއް ދައްކަން ނުޖެހޭގޮތަށް ނުވަތަ އަދާކުރަން ނުޖެހޭގޮތަށް، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ކަނޑައަޅާ ކަނޑައެޅުމަށެވެ.
(ރ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ސިޓީ ކައުންސިލުތަކަށާއި، އަތޮޅު ކައުންސިލުތަކަށާއި ރަށު ކައުންސިލުތަކަށެވެ.
(ބ) "އަޕްފްރަންޓް ޕޭމަންޓް" ކަމަށް ބުނެފައި އެވަނީ، އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގަތުމަށް ޓަކައި މި އުސޫލުގެ 8 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތަށް އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމަށްވާ އިންސްޓޯލްމަންޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން މި އުސޫލުގެ ޖަދުވަލު 1 ގައިވާ ގޮތުގެ މަތީން ކުލި ދައްކަންޖެހޭ ފަރާތުން އެކީ އެއްފަހަރާ ދައްކަންޖެހޭ ފައިސާއަށެވެ.
11 ވަނަ މާއްދާ - އަމަލުކުރަން ފެށުން
(ހ) މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
(ށ) މި އުސޫލަށް އަމަލުކުރަން ފެށުމަށްފަހު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހާއްސަ ގާނޫނެއްގައި ވަކި ގޮތަކަށް އަމަލުކުރަންވާނެކަމަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކައުންސިލުތަކާއި އެނޫންވެސް ދައުލަތުގެ އޮފީސްތަކުން ހިންގާ މުއާމަލާތަކާ ގުޅިގެން ސީދާގޮތުން ވިޔަސް ނުވަތަ ނުސީދާގޮތުން ވިޔަސް، އެއްވެސް ލުޔެއް ނުވަތަ މަންފާއެއް އެއްވެސް މީހަކަށް ނުވަތަ ފަރާތަކަށް ހޯދައިދޭންވާނީ ނުވަތަ ދައުލަތަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް މައާފުކޮށްދިނުމަށް އެއްބަސްވާންވާނީ ނުވަތަ މައާފުކޮށްދޭންވާނީ، މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
ޖަދުވަލު 1
ކެޓަގަރީ | ދައްކަންޖެހި ނުދައްކައިވާ ކުލީގެ އަދަދު | އަޕްފްރަންޓް ޕޭމަންޓުގެ އިންސައްތަ | އިންސްޓޯލްމަންޓުގެ މުއްދަތު |
ކެޓަގަރީ 1 | 10,000,000 (ދިހަ މިލިޔަން) އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ ބޮޑު | 10 އިންސައްތަ | 5 އަހަރު (20 ކުއާޓަރު) |
ކެޓަގަރީ 2 | 10,000,000 (ދިހަ މިލިޔަން) އެމެރިކާ ޑޮލަރަށްވުރެ ކުޑަ އަދި 5,000,000 (ފަސް މިލިޔަން) އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ ބޮޑު | 10 އިންސައްތައާއި 20 އިންސައްތައާ ދެމެދު | 4 އަހަރު (16 ކުއާޓަރު) |
ކެޓަގަރީ 3 | 5,000,000 (ފަސް މިލިޔަން) އެމެރިކާ ޑޮލަރަށްވުރެ ކުޑަ އަދި 1,000,000 (އެއް މިލިޔަން) އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ ބޮޑު | 20 އިންސައްތައާއި 30 އިންސައްތައާ ދެމެދު | 3 އަހަރު (12 ކުއާޓަރު) |
ކެޓަގަރީ 4 | 1,000,000 (އެއް މިލިޔަން) އެމެރިކާ ޑޮލަރަށްވުރެ ކުޑަ | | 50 އިންސައްތަ | 2 އަހަރު (8 ކުއާޓަރު) |
ކިޔުންތެރިންގެ ހިޔާލު