-

ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުއާމަލާތެއް ހިންގުމާބެހޭ އުސޫލު

(އުސޫލު ނަންބަރު 2024-12)

(މި އުސޫލަށް އަމަލުކުރަން ފެށީ 28 މާރިޗު 2024 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން ނަޒާހަތްތެރިކަމާއެކު ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަން ކުރިޔަށް ގެންދިއުމަށާއި، ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންނާ އާއިލީގޮތުންނާއި ވިޔަފާރީގެ ގޮތުން ގުޅުންހުރި ފަރާތްތަކާއެކު، އެ އޮފީސްތަކުން ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 10.71 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން މިނިސްޓްރީން އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުއާމަލާތް ހިންގުމާބެހޭ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުއާމަލާތް ހިންގުމުގައި އެ ތަނެއްގެ މުވައްޒަފުން އަމަލުކުރާނެ ގޮތުގެ އުސޫލު ކަނޑައެޅުން.

(ށ) މަސްލަހަތު ހިމެނޭ މުވައްޒަފުން އެއްކިބާކޮށް، މިނިވަންކަމާއި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ޕްރޮކިއުމަންޓުގެ ކަންކަން ކުރިޔަށް ގެންދިއުމަށް މަގުފަހިކުރުން.

(ނ) މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެގޮތުން މުއާމަލާތް ކުރެވިދާނެ މިންވަރާއި ހުއްދަދޭނެ ފަރާތް ކަނޑައެޅުން.

(ރ) ވިޔަފާރީގެ މުއާމަލާތް ނުކުރެވޭނެ ފަރާތްތަކާއި ހާލަތްތައް ބަޔާންކުރުން.

(ބ) މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރިކުރުމުން ދައުލަތުގެ އޮފީހަކަށް ލިބިދާނެ މާލީ ގެއްލުން ކުޑަކުރުމާއި، ކުރިމަތިވެދާނެ ހިރާސްތައް ކުޑަކުރުމާއި،  އެފަދަ ހާލަތްތަކުގައި އަމަލުކުރާނޭގޮތް ކަނޑައެޅުން.

(ޅ) މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރިކުރި ކަމުގައި ވިޔަސް، އެކަން ކުރާ ދައުލަތުގެ އޮފީހަށް އެކި ފަރާތްތަކުން ކުރާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުން.

 

3 ވަނަ މާއްދާ - އިހްތިސާސް 

(ހ) މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، ދައުލަތުގެ އޮފީސްތަކުން އަމަލުކުރަމުންދާ މިކަމާ ގުޅޭ އުސޫލުތަކާއި، މަސައްކަތް ހިންގުމުގައި އަމަލުކުރާނެ އިޖުރާއަތު (ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ ނުވަތަ އެސް.އޯ.ޕީ) ގެ ތެރެއިން މި އުސޫލާ ތައާރުޒުވާ އެންމެހައި އުސޫލުތަކާއި އެސް.އޯ.ޕީ ތައް ބާތިލުވާނެއެވެ. މި އުސޫލާ ހިލާފަށް، މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުއާމަލާތެއް ހިންގައިގެން ނުވާނެއެވެ.

(ށ) މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުއާމަލާތެއް ހިންގަންވާނީ، އެކަމަކަށް މި އުސޫލުގައި ކަނޑައަޅައިފައިވާ ހުއްދައެއް ލިބިގެންނެވެ.

 

4 ވަނަ މާއްދާ - މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު މުއާމަލާތް ހިންގުން

(ހ) މި އުސޫލުގެ ދަށުން ހުއްދަ ހޯދަންވާނީ، ވިޔަފާރި މުއާމަލާތްތައް ފެށުމުގެ ކުރިން، ލިޔުމުން، ކޮންމެ މުއާމަލާތަކަށް ވަކިވަކީންނެވެ. އަދި މި އުސޫލުގެ ދަށުން ހުއްދަ ދޫކުރެވޭނީ ވަކި ވިޔަފާރީގެ މުއާމަލާތަކަށް ކަމަށް ވެފައި، އެ ހުއްދަ ދެމިއޮންނާނީ އެ ވިޔަފާރީގެ މުއާމަލާތް ނިމުމާ ހަމައަށެވެ. އެގޮތުން، ކުރިން ދީފައިވާ ހުއްދައެއްގެ ބޭނުންކޮށްގެން އެހެން ވިޔަފާރި މުއާމަލާތެއް ކުރުމަކީ މަނާކަމެކެވެ.

(ށ) މި އުސޫލުގައި ބަޔާންކޮށްފައިނުވާ ކަމެއް ނުވަތަ ހާލަތެއް ދިމާވެއްޖެ ހިނދެއްގައި، އެ ކަމަކާމެދު ގޮތެއް ނިންމާނީ މިނިސްޓްރީންނެވެ.

(ނ) މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު މުއާމަލާތް ހިންގުމަށް ހުއްދަދެވޭނެ ފަރާތްތަކާއި މިންގަނޑު ތިރީގައި މިވަނީއެވެ.

 

5 ވަނަ މާއްދާ - މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު މުއާމަލާތް ހިންގުމަށް ހުއްދަދޭނެ ފަރާތް

(ހ) ވިޔަފާރީގެ މުއާމަލާތުގެ ޖުމުލަ އަގު 35,000 (ތިރީސް ފަސްހާސް) ރުފިޔާއާ ހަމަޔަށް ހުއްދަދޭނީ، މާލީ ޒިންމާދާރު ވެރިޔާ ނުވަތަ އެ ޒިންމާ އަދާކުރުމަށް ލިޔުމަކުން އޭނާ ހުއްދަދީފައިވާ ފަރާތެވެ.

(ށ) ވިޔަފާރީގެ މުއާމަލާތުގެ ޖުމްލަ އަގު 35,000 (ތިރީސް ފަސްހާސް) ރުފިޔާއިން ފެށިގެން 5,000,000 (ފަސް މިލިޔަން) ރުފިޔާއާ ހަމަޔަށް ހުއްދަދޭނީ ބިޑް ކޮމިޓީންނެވެ.

(ނ) ވިޔަފާރީގެ މުއާމަލާތުގެ ޖުމުލަ އަގު 5,000,000 (ފަސް މިލިޔަން) ރުފިޔާއިން ފެށިގެން ހުއްދަދޭނީ، ނޭށަނަލް ޓެންޑަރ ބޯޑުންނެވެ.

 

6 ވަނަ މާއްދާ - ކަނޑައެޅޭ ވަކި މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުއާމަލާތް ނުކުރުން 

ދައުލަތުގެ އޮފީހަކުން އަންނަނިވި އެއްވެސް މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުއާމަލާތެއް ހިންގައިގެން ނުވާނެއެވެ. އަދި މި އުސޫލުގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާގެ ދަށުން ހުއްދަ ދިނުމަށް ކަނޑައަޅައިފައިވާ އެއްވެސް ފަރާތަކުން، މި މާއްދާގައި ބަޔާންކޮށްފައިވާ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުއާމަލާތެއް ހިންގުމަށް ހުއްދަދީގެން ނުވާނެއެވެ.

  1. ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި އެންމެ އިސް މުވައްޒަފު؛
  2. ފައިސާއާބެހޭ ޑިޕާޓްމަންޓުގެ އެންމެ އިސް މުވައްޒަފު؛
  3. އެ ޕްރޮކިއުމަންޓަކާ ގުޅޭ ޑިޕާޓްމަންޓެއްގެ އެންމެ އިސް މުވައްޒަފެއް؛
  4. ޕްރޮކިއުމަންޓަށް ހުއްދަދޭ އެގްޒެކެޓިވް ފަންތީގެ މުވައްޒަފެއް؛
  5. ބިޑް ކޮމިޓީއާއި ޕްރޮކިއުމަންޓާބެހޭ އެހެނިހެން ކޮމިޓީތަކުގެ މެންބަރެއް؛
  6. ބިޑް ނުވަތަ ބީލަން އިވެލުއޭޓްކުރާ ނުވަތަ ވަޒަންކުރާ ފަރާތެއް ނުވަތަ ވަޒަންކުރުމަށް އެހީވެދޭ ފަރާތެއް ނުވަތަ އެކަން ކުރާ ކޮމިޓީގެ މެންބަރެއް؛
  7. މާލީ ޒިންމާދާރު ވެރިޔާ ނުވަތަ ސެކްރެޓަރީ ޖެނެރަލް؛
  8. ބިޑް ޑޮކިއުމަންޓް ނުވަތަ ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުމުގައި ބައިވެރިވާ ނުވަތަ އެހީވެދޭ ފަރާތެއް (މީގައި ބިޑް ޑޮކިއުމަންޓް ނުވަތަ ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުމަށް ކަނޑައަޅައިފައިވާ ކޮންސަލްޓެންޓުންނާއި އެހެނިހެން މާހިރުން ވެސް ހިމެނޭނެއެވެ.)

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާފަދަ ކުއްލި ހާލަތެއް ދިމާވެގެން މި މާއްދާގެ (ހ) ގައިވާ ފަރާތަކާއެކު ވިޔަފާރީގެ މުއާމަލާތެއް ހިންގަން ޖެހިއްޖެ ހިނދެއްގައި، އެކަމަކަށް މިނިސްޓްރީން ހުއްދަދެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގައި ބަޔާންކުރާ އެއްވެސް މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުއާމަލާތެއް ހިންގޭނީ އެނޫން ގޮތަކަށް އެކަން ކުރެވެން ނެތް ހާލަތެއްގައި މިނިސްޓްރީއަށްހުށަހަޅައި ލިޔުމަކުން ހުއްދައެއް ލިބިގެންނެވެ.

 

7 ވަނަ މާއްދާ - މުވައްޒަފަކާ ގުޅުންހުރި ފަރާތް 

މުވައްޒަފަކާ ގުޅުންހުރި ފަރާތްތަކުގެ ތެރޭގައި އަންނަނިވި ފަރާތްތައް ހިމެނޭނެއެވެ.

(ހ) ޕްރޮކިއުމަންޓަށް ކުރިމަތިލައިފައިވާ ފަރާތަކީ މުވައްޒަފެއްގެ "ކްލޯޒް ރިލޭޓިވް" އަކަށް ނުވަތަ މުވައްޒަފަކާ އާއިލީގޮތުން ގުޅުން އޮންނަ ފަރާތަކަށް ވުން. (މިގޮތުން އާއިލީގޮތުން ގުޅުން އޮތް ފަރާތްތަކުގެ ތެރޭގައި އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާއާއި، ދަރިންނާއި، އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، މައިންބަފައިންނާއި، ދޮންދަރިންނާއި، އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، އެއްބަނޑުއެއްބަފާ މީހުންނާއި، އެ މީހާގެ މައިންބަފައިން ހިމެނޭނެއެވެ.)

(ށ) ޕްރޮކިއުމަންޓަށް ކުރިމަތިލައިފައިވާ ފަރާތާއި މުވައްޒަފަކާ ދެމެދު ވިޔަފާރީގެ ގޮތުން ގުޅުން އޮތުން ނުވަތަ އެ ފަރާތަކީ މުވައްޒަފެއްގެ "ކްލޯޒް އެސޯސިއޭޓް" އަކަށް ވުން.

(ނ) ޕްރޮކިއުމަންޓަށް ކުރިމަތިލައިފައިވާ ފަރާތަކީ މުވައްޒަފަކަށް މުސާރައެއް ނުވަތަ އުޖޫރައެއް ނުވަތަ އިނާޔަތެއް ދޭ ފަރާތަކަށް ވުން.

 

8 ވަނަ މާއްދާ - މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު

(ހ) މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ދާއިމީގޮތެއްގައި ވިޔަފާރީގެ މުއާމަލާތް ކުރުމަށް އެއްވެސް ހާލަތެއްގައި ހުއްދަދީގެން ނުވާނެއެވެ.

(ށ) މުއާމަލާތް ކުރުމަށް ހުއްދަދެވޭނެ ގޮތް މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު މުއާމަލާތެއް ކުރުމަށް ހުއްދަދިނުމުގައި އަންނަނިވި ކަންކަން ޔަގީންކުރަންވާނެއެވެ.

  1. ދައުލަތުގެ ތަނަކަށް އެ ތަނެއްގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުއާމަލާތެއް ހިންގުމުގެ ކުރިން، އެ ޕްރޮކިއުމަންޓެއް ނުވަތަ އެ ކަމެއް ކުރިޔަށް ގެންގޮސްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން؛
  2. ޕްރޮކިއުމަންޓެއްގެ ދަށުން ތަކެތި ގަތުމަށް ނުވަތަ ހިދުމަތެއް ހޯދުމަށް ނުވަތަ މަސައްކަތެއް ކުރުވުމަށް ހަވާލުކުރެވޭ ފަރާތަކީ، އެކަން ކުރުމުގެ އެކަށީގެންވާ ތަޖުރިބާއާއި ހުނަރު ލިބިފައިވާ ފަރާތެއްކަން؛
  3. އެ ބީލަމާ ގުޅިގެން އިތުރު ބިޑެއް ހުށަހަޅައިފައި ނެތުން ނުވަތަ އެ ބިޑަކީ ހުށަހަޅައިފައިވާ ބިޑުތަކުގެ ތެރެއިން އެންމެ ރަނގަޅު ބިޑަށްވުން؛
  4. އިވެލުއޭށަނުން ހޮވާ ފަރާތާ ގުޅުންހުރި ދައުލަތުގެ އޮފީހުގެ މުވައްޒަފަކީޕްރޮކިއުމަންޓް ޕްރޮސެސްގެ އެއްވެސް މަރު ހަލާއެއްގައި ބައިވެރިވެފައިވާފަރާތެއްކަމަށް ނުވުން؛
  5. ޕްރޮކިއުމަންޓަށް ކުރިމަތިލައިފައިވާ ފަރާތާ ގުޅުންހުރި މުވައްޒަފަކީ މި އުސޫލުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުވައްޒަފެއް ނޫންކަން؛

(ނ) މި އުސޫލުގެ 5 ވަނަ މާއްދާގެ ދަށުން ހުއްދަދޭނެ ފަރާތެއް ކަނޑައެޅުމުގައި، އެ މާލީ އަހަރުގެ އެ އޮފީހެއްގެ ޕްރޮކިއުމަންޓަށް ކަނޑައަޅައިފައިވާ ޖުމުލަ ފައިސާގެ އަދަދާއި ވިޔަފާރީގެ މުއާމަލާތުގެ ފައިސާގެ އަދަދު އަޅައިކިޔާހިނދު، އެ އަހަރަކު އެ ގުޅުންހުރި ފަރާތަކާއެކު ކުރާ ނުވަތަ ކުރެވިފައިހުރި ހުރިހައި މުއާމަލާތްތަކުގެ ޖުމުލަ ފައިސާގެ އަދަދަށް ބަލަންވާނެއެވެ.

(ރ) ދައުލަތުގެ އޮފީހަކުން މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުއާމަލާތެއް ހިންގަންވާނީ އެކަމާބެހޭ ރަޖިސްޓަރީއެއް ހަދައިގެންނެވެ. މި ރަޖިސްޓަރީގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ގުޅުންހުރި މުވައްޒަފުގެ ނަމާއި، މަގާމާއި، މަގާމުގެ ދަރަޖަ؛
  2. ގުޅުންހުރި ފަރާތުގެ ނަމާއި، އެޑްރެސް؛
  3. މުވައްޒަފާއި އެ ފަރާތާ ދެމެދު އޮތް ގުޅުމުގެ ތަފުސީލު؛
  4. ހުއްދަ ދީފައިވާ ވިޔަފާރީގެ މުއާމަލާތުގެ ފައިސާގެ އަދަދު؛
  5. ހުއްދަ ދީފައިވާ ވިޔަފާރީގެ މުއާމަލާތުގެ ތަފުސީލު؛ 
  6. ހުއްދަ ދިން ތާރީހާއި، ހުއްދަ ދިނުމަށް ބޭއްވި ބައްދަލުވުމުގެ ތަފުސީލު؛
  7. ހިނގަމުންދާ މާލީ އަހަރުގެ ތެރޭގައި އެ ފަރާތަށް ހުއްދަ ދެވުނު މުއާމަލާތްތަކުގެ އަދަދާއި، އެ މުއާމަލާތުގެ ފައިސާއާއި ތަފުސީލ.ު

 

9 ވަނަ މާއްދާ - މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުއާމަލާތް ހިންގުމުގައި ކުށް ކުރުން

މި އުސޫލުގައިވާ ގޮތުގެ މަތީން މުވައްޒަފަކާ ގުޅުންހުރި ނުވަތަ މަސްލަހަތު ހިމެނޭ ފަރާތަކާއެކު ވިޔަފާރީގެ މުއާމަލާތް ހިންގުމަކީ ކުށެއް ނޫނެވެ. އެހެން ނަމަވެސް،މުވައްޒަފަކާ ގުޅުންހުރި ނުވަތަ މަސްލަހަތު ހިމެނޭ ފަރާތަކާއެކު ވިޔަފާރީގެ މުއާމަލާތެއް ހިންގުން ކުށަކަށްވާނީ، މި އުސޫލާ ހިލާފަށް ހުއްދަނޫން އަމަލެއް ނުވަތަ އަމަލުތަކެއް ހިންގައިފައިވާ ނަމައެވެ. މިގޮތުން އަންނަނިވި ކަންކަމަކީ ކުށެކެވެ. އަދި ހުއްދަ ނޫން  އަމަލުތަކެއް ހިންގައިފައިވާނަމަ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން އެ ފަރާތަކާމެދު ފިޔަވަޅު އެޅޭނެއެވެ.

(ހ) މި އުސޫލުގައި ވިޔަފާރީގެ މުއާމަލާތް ނުކުރެވޭނެ ކަމަށް ކަނޑައަޅައިފައިވާ ފަރާތަކާއެކު ވިޔަފާރީގެ މުއާމަލާތެއް ކުރުން؛

(ށ) މި އުސޫލުގެ ދަށުން ކުރިން ދީފައިވާ ހުއްދައެއްގެ ބޭނުންކޮށްގެން ވިޔަފާރީގެ އިތުރު މުއާމަލާތެއް ކުރުން؛

(ނ) މި އުސޫލުގެ ދަށުން ހުއްދަ ދީފައިވާ މަގުސަދުގެ ބޭރުން އެހެން ވިޔަފާރި މުއާމަލާތްތަކެއް ހިންގުމަށް އެ ހުއްދަ ބޭނުން ކުރުން؛

(ރ) މި އުސޫލުގެ ދަށުން ހުއްދަ ހޯދަންޖެހޭ ފަރާތެއްގެ ހުއްދަ ނުހޯދައި، މުވައްޒަފަކާ ގުޅުންހުރި ވިޔަފާރިއަކާ މަސައްކަތް ހަވާލުކުރުން، ނުވަތަ އެ ވިޔަފާރިއަކުން މުދާ ގަތުން، ނުވަތަ އެ ވިޔަފާރިއަކުން ހިދުމަތް ހޯދުން؛

(ބ) ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި މި އު ސޫލާ ހިލާފަށް، މުވައްޒަފަކާ ގުޅުންހުރި ފަރާތަކާ ވިޔަފާރީގެ މުއާމަލާތެއް ކުރުމަށް އެހެން ފަރާތަކަށް ނުފޫޒު ފޯރުވުން.

 

10 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގެ ބޭނުމަށް އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކުގެ މާނަކުރާނީ އަންނަނިވި ފަދައިންނެވެ. އަދި މި އުސޫލުގެ ބޭނުމަށް މާނަކުރުން ހިމަނައިފައި ނުވާނަމަ،މި އުސޫލުގައި ބޭނުންކޮށްފައިވާ އިބާރާތްތަކާއި ލަފުޒުތައް މާނަކުރާނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާނައާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ހ) "ދައުލަތުގެ މާލިއްޔަތުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-03 (މާލިއްޔަތުގެ ގާނޫނު) އަށާއި، އެ ގާނޫނަށް ގެންނަ އެންމެހައި އިސްލާހުތަކަށެވެ.

(ށ) "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2023-158 (މާލިއްޔަތުގެ ގަވާއިދު) އަށާއި، އެ ގަވާއިދަށް ގެންނަ އެންމެހައި އިސްލާހުތަކަށެވެ.

(ނ) "ދައުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ގާނޫނުއަސާސީއާއި ގާނޫނުގެ ދަށުން އުފެދޭ އެންމެހައި މުއައްސަސާތަކާއި، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށެވެ.

(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މާލީ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއަށެވެ.

(ބ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ޅ) "މާލީއަހަރު" ކަމަށް ބުނެފައި އެވަނީ، ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހިނގާ މުއްދަތަށެވެ. މި މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި، ނިމޭ ދުވަސް ހިމެނެއެވެ.

(ކ) "ދައުލަތުގެ މުވައްޒަފެއް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި، މަސްއޫލު އޮފީސްތަކުގެ ދަށުން ހިނގަމުންދާ ތަންތަނާއި، ދައުލަތުގެ އޮފީސްތަކުން މުސާރައެއް ނުވަތަ އުޖޫރައެއް ދޭގޮތަށް ވަޒީފާ ދީފައިވާ ކޮންމެ މީހަކަށެވެ.

(އ) "ކްލޯޒް ރިލޭޓިވް" ނުވަތަ "އާއިލީގޮތުން ގުޅުން އޮންނަ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާއާއި، މައިންބަފައިންނާއި، ދަރިންނާއި، އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، ދޮންދަރިންނާއި، އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، އެ މީހާގެ މައިންބަފައިންނަށެވެ.

(ވ) "ކްލޯޒް އެސޯސިއޭޓް" ނުވަތަ "ވިޔަފާރީގެ ގޮތުން ގުޅުންހުރި ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ މުވައްޒަފަކާ ވިޔަފާރީގެ ހިއްސާ ނުވަތަ ވިޔަފާރީގެ ގުޅުން އޮންނަ ފަރާތްތަކަށެވެ.

(މ) "ބަޖެޓު" ކަމަށް ބުނެފައި އެވަނީ، އެ ތަނަކަށް ކުރިޔަށް އޮތް އަހަރުގައި ލިބޭނޭކަމަށް އަންދާޒާކުރެވޭ އާމްދަނީއަށާއި ފައިސާ ހުރި މިންވަރަށް ބަލައިގެން ކުރިޔަށް އޮތް އަހަރުގައި ހަރަދުކުރުމަށް ތައްޔާރުކުރާ ޕްލޭނަށެވެ.

(ފ) "ޕްރޮކިއުމަންޓް" ނުވަތަ "ޕްރޮކިއުކުރުން" ކަމަށް ބުނެފައި އެވަނީ، އެ ތަނަކަށް ބޭނުންވާ މުދަލެއް ގަތުމަށާއި، ހިދުމަތް ހޯދުމަށާއި، މަސައްކަތް ކުރުވުމަށާއި، މި ކަންކަން ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށެވެ.

(ދ) "ޕްރޮކިއުމަންޓް ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، ޕްރޮކިއުމަންޓާބެހޭ އެންމެހައި ކަންކަން ކުރުމަށާއި އެކަމާބެހޭ ލިޔުންތަކާއި ހިސާބު ބެލެހެއްޓުމަށް އެ ތަނެއްގެ އިދާރީ އޮނިގަނޑުގައި ނުވަތަ އޯގަނައިޒޭށަނަލް ސްޓްރަކްޗަރުގައި ކަނޑައަޅައިފައިވާ ފަންތިއަށެވެ.

(ތ) "ވިޔަފާރީގެ މުއާމަލާތް" ކަމަށް ބުނެފައި އެވަނީ، މުދަލެއް ގަތުމަށް ނުވަތަ ހިދުމަތެއް ހޯދުމަށް ނުވަތަ މަސައްކަތެއް ކުރުވުމަށް ނުވަތަ މިނޫން ގޮތްގޮތުންވެސް މަންފާއެއް ލިބިގަތުމަށް ކުރެވޭ ކޮންމެ ކަމަކަށެވެ.

(ލ) "ކޮންސަލްޓެންޓް" ކަމަށް ބުނެފައި އެވަނީ، ވަކި ހާއްސަ ދާއިރާއަކުން ފަންނީ ލަފަޔާއި މަށްވަރާ ދިނުމަށް ކަނޑައެޅޭ ވަކި މުއްދަތަކަށް އެއްބަސްވުމެއްގެ ދަށުން ވަގުތީގޮތުން އައްޔަނުކުރާ ފަރާތަކަށެވެ.

 

11 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

(ހ) މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި އުސޫލަށް އަމަލުކުރަން ފެށުމަށްފަހު، ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންނާ އާއިލީގޮތުންނާއި ވިޔަފާރީގެ ގޮތުން ގުޅުންހުރި ފަރާތްތަކުން، އެ އޮފީސްތަކުން ވިޔަފާރި މުއާމަލާތް ކުރަންވާނީ، މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި މިކަމާ ގުޅޭގޮތުން އެ އޮފީހުން އަމަލުކުރާނެ ގޮތުގެ އިޖުރާއަތު ބަޔާންކުރުމަށް އެ އޮފީހަކުން ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރއެއް (އެސް.އ.ޯޕީ.) އެކުލަވައިލައިފައިވާނަމަ، މި އުސޫލަށް އަމަލުކުރަން ފެށުމަށްފަހު، އެ އެސް.އ.ޯޕީ. ގައި ބަޔާންކޮށްފައިވާ ކަންކަން މި އުސޫލާ ތައާރުޒު ނުވާކަން އެ އޮފީހަކުން ކަށަވަރު ކުރަންވާނެއެވެ.

 

މައި ގާނޫނާއި ގަވާއިދު

މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03)

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-158)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު