-

ފަނޑިޔާރުންގެ ގާނޫނު

(ގާނޫނު ނަންބަރު 2010-13)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނެވެ.

(ށ) މި ގާނޫނުގައި، ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކާއި، ފަނޑިޔާރުންގެ ހުންނަންވާނެ ށަރުތުތަކާއި، ފަނޑިޔާރުންގެ ބާރުތަކާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި، ވަޒީފާއާބެހޭ އާންމު އުސޫލުތަކާއި، މުސާރައާއި އިނާޔަތާގުޅޭ އުސޫލުތައް ބަޔާންވެގެންވެއެވެ.

(ނ) މި ގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ފަނޑިޔާރުންގެ މަގާމު

(ހ) ފަނޑިޔާރުކަމުގެ މަގާމަކީ، ދައުލަތުގެ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތާއި އަދުލު އިންސާފު ގާއިމުކުރުމުގެ ވާޖިބު އަދާކުރުމަށްޓަކައި، ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން، ކަނޑައެޅޭ ބަޔަކާ ހަވާލުކުރެވޭ މަގާމެކެވެ.

(ށ) ފަނޑިޔާރުކަމުގެ މަގާމު އަދާކުރުމުގައި އެންމެމަތީ މިންގަނޑުގެ އިހްލާސްތެރިކަމާއި، އިހްސާންތެރިކަމާއި، ވަފާތެރިކަމާއި، އަމާނާތްތެރިކަމާއި، މަސްއޫލުވެރިކަމާއި މަސައްކަތުގެ އަހްލާގު ގެންގުޅެންވާނެއެވެ.

(ނ) ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އަދާކުރަންވާނީ ގާނޫނުއަސާސީއާއި ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) އާއި މި ގާނޫނާއި މި ގާނޫނުގެ ދަށުންހެދޭ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ތަބާވުން ހިމެނޭ ގޮތުގެމަތިންނެވެ.

 

3 ވަނަ މާއްދާ - ފަނޑިޔާރުންގެ މާނަ

(ހ) މި ގާނޫނުގައި އެ އިބާރާތް ބޭނުންކޮށްފައިވާގޮތުން، އެހެން މާނައެއް ދޭހަނުވާހާހިނދަކު، ފަނޑިޔާރުންކަމަށް ބުނެފައި އެވަނީ، ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގައިވާ ގޮތުގެމަތިން އުފައްދާ ދަށު ކޯޓުތަކުގައި، މި ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގާމު ހަވާލުކުރެވޭ މީހުންނަށެވެ.

(ށ) މި މާއްދާގެ (ހ) އެހެންއޮތްނަމަވެސް، ގާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފަނޑިޔާރުންގެ މަގާމުގައި ދެމިތިބޭ މީހުންނަކީ، އެ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، އެ މަގާމަށް އައްޔަންކުރެވެންދެން، ނުވަތަ އެ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، މަގާމުން ވަކިކުރެވެންދެން، ފަނޑިޔާރުންކަމުގައި، މި ގާނޫނުގެ މަގްސަދަށްޓަކައި ބެލެވޭނެއެވެ.

(ނ) ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ތަފާތު ދަރަޖައިގެ ކޯޓުތައް ގާއިމުވެ ހުންނަހިނދު، އެ ކޯޓުތަކުގެ ދަރަޖައިގެ މައްޗަށް ބިނާކޮށް، ފަނޑިޔާރުންނަށް ވަކި ނަމަކުން މުހާތަބުކުރުމަކީ، ނުވަތަ ވަކި ފަނޑިޔާރަކީ ވަކި ދަރަޖައެއްގެ ފަނޑިޔާރެއްކަމުގައި ކަނޑައެޅުމަކީ، މި ގާނޫނު ހުރަސްއަޅާކަމެއް ނޫނެވެ.

 

ފުރަތަމަ ބާބު

ފަނޑިޔާރުންނާބެހޭ މައިގަނޑު އުސޫލުތައް 

4 ވަނަ މާއްދާ - މިނިވަންކަމާއި މުސްތަގިއްލުކަން

(ހ) އަދުލު އިންސާފު ގާއިމުކުރުމުގައްޔާއި، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ފަނޑިޔާރުންނަކީ އެހެން އެއްވެސް މީހެއްގެ ނުވަތަ މުއައްސަސާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް ފޯރުވޭނޭ ބައެއް ނޫނެވެ.

(ށ) އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެއެވެ.

(ނ) ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށްދީ، އެ ތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކިފަރާތަކަށް ނުޖެހި، ހަރުދަނާގޮތެއްގައި މަސައްކަތްކުރާ ތަންތަންކަމަށް ހެދުމަށްޓަކައި، ގާނޫނާއި ގަވާއިދުތަކުގެ ޒަރީއާއިންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާއި ހަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާންވާނެއެވެ.

 

5 ވަނަ މާއްދާ - ފަނޑިޔާރުންގެ ނިންމުންތަކާއި، ހުކުމްތަކާއި، އަމުރުތަކުގެ އަސްލު

(ހ) ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން އަމަލުކުރާނީ ގާނޫނުއަސާސީއާއި ގާނޫނަށެވެ. ގާނޫނުއަސާސީއާއި ގާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ށަރީއަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުން ރިއާޔަތްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރުން ރިއާޔަތްކުރަންވާނެއެވެ.

  1. މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ގަރީނާ.
  2. މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ހުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ހުކުމް.
  3. ވަކި ފަރާތަކަށް ނުޖެހުމާއި، ވަކި ފަރާތެއްގެ ނުފޫޒަށް ނުލެނބުމާއި، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވުމާއި ތައައްސުބުން އެއްކިބާވުން.

 

6 ވަނަ މާއްދާ - ވަޒީފާގައި ދެމިހުރުން

(ހ) ގާނޫނުއަސާސީއާއި ގާނޫނުގައި އެހެންގޮތަކަށް ބަޔާންނުކުރާހާ ހިނދަކު، ގާނޫނުއަސާސީގައި ބަޔާންކުރެވިގެންވާގޮތަށް އައްޔަންކުރެވޭ ފަނޑިޔާރުންނަކީ ކަނޑައެޅޭ ވަކި މުއްދަތަކަށް އައްޔަންކުރެވޭ ބައެއް ނޫނެވެ. އަދި އެ ފަނޑިޔާރުން މަގާމަށް އައްޔަންވީއްސުރެ މަގާމުން މުސްކުޅިކުރެވެންދެން މަގާމުގައި ދެމިތިބޭނެއެވެ. އަދި އެއިން ކޮންމެ ފަނޑިޔާރަކުވެސް އޭނާ އައްޔަންކުރެވިފައިވާ ކޯޓެއްގައި މަސައްކަތްކުރާނީ ދާއިމީ ސިފައެއްގައެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ތާރީހުން ފެށިގެން 15 (ފަނަރަ) އަހަރުވަންދެން، 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތެއް ކަނޑައަޅައި ފަނޑިޔާރަކު އައްޔަންކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

7 ވަނަ މާއްދާ - ފަނޑިޔާރުން މަގާމުގެ އިތުބާރު ދެމެހެއްޓުން

ފަނޑިޔާރަކު، ހުރިހާ ވަގުތެއްގައިވެސް އޭނާގެ މުސްތަގިއްލުކަމާއި އަދުލުވެރިކަމާއި، ވަކިފަރާތަކަށް ނުޖެހޭކަމުގެ އިތުބާރު ހިފަހައްޓަންވާނެއެވެ.

 

8 ވަނަ މާއްދާ - މުސާރައާއި އިނާޔަތް

(ހ) ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންވާފަދަ މުސާރައާއި އިނާޔަތްތައް ލިބުމުގެ ހައްގު ފަނޑިޔާރުންނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކަނޑައަޅާ މުސާރައަކީ، ފަނޑިޔާރެއްގެ އާއިލާ ދެމެހެއްޓުމަށާއި، އަމިއްލަ މުސްތަގިއްލުކަން ރައްކާތެރިކުރުމަށްޓަކައި، އެކަށީގެންވާ މުސާރައާއި އިނާޔަތެއްކަން ރައްޔިތުންގެ މަޖިލީހުން ކަށަވަރުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ފަނޑިޔާރަކު ނިންމި ނިންމުމާމެދު ޖަވާބުދާރީ ނުކުރުވުން

ފަނޑިޔާރަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި، ދިން ރައުޔުއަކާގުޅިގެން ނުވަތަ ކުރި އަމުރަކާގުޅިގެން ނުވަތަ ކުރި ހުކުމަކާގުޅިގެން، ގާނޫނުއަސާސީއާއި ގާނޫނުގައި ބަޔާންވެގެންވާ އިސްތިއުނާފުކުރުމުގެ އުސޫލުތަކުގެ ބޭރުން، ނުވަތަ ފަނޑިޔާރުންގެ ސުލޫކާގުޅޭގޮތުން ފިޔަވަޅުއެޅުމަށް ގާނޫނުއަސާސީއާއި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކުގެ ބޭރުން، އެއްވެސް ފަރާތެއްގައި އެ ފަނޑިޔާރަކު ޖަވާބުދާރީއެއް ނުކުރެވޭނެއެވެ.

 

10 ވަނަ މާއްދާ - ޖަމްއިއްޔާ ޖަމާއަތް ހެދުމުގެ ހައްގު

(ހ) ފަނޑިޔާރުންގެ މުސްތަގިއްލުކަން ހިމާޔަތްކުރުމަށް މަސައްކަތްކުރުމަށާއި، ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމަށާއި، އެމީހުންގެ އިމްތިޔާޒުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ގޮތުން، ފަނޑިޔާރުންގެ މެދުގައި، އެމީހުންގެ މައްޗަށް އެކަނި އެކުލެވިގެންވާގޮތަށް ޖަމްއިއްޔާ ހެދުމުގެ ހައްގު ފަނޑިޔާރުންނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ފަނޑިޔާރުންގެ ގަދަރާއި ހައިބަތު ދެމެހެއްޓުމަށްޓަކައި، މި މާއްދާގެ ދަށުން އެއްވަގުތެއްގައި ރަޖިސްޓަރީކޮށް ހިންގާނީ އެއް ޖަމްއިއްޔާއެވެ.

 

11 ވަނަ މާއްދާ - އިތުރު ތަމްރީނު ލިބުމުގެ ހައްގު

(ހ) ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ބޭނުންވާ އިތުރު ތަމްރީނުތައް ދިވެހި ދައުލަތުގެ ހަރަދުގައި ފަނޑިޔާރުންނަށް ލިބިދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ތަމްރީނުގެ ބާވަތްތަކާއި، މުއްދަތުތަކާއި، އެ ތަމްރީނުދެވޭ ގޮތްތައް ކަނޑައަޅާނީ، އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އުއްތަމަފަނޑިޔާރުގެ ލަފާގެމަތިން ޑިޕާރޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.

 

12 ވަނަ މާއްދާ - ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒު

(ހ) ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހާލަތެއްގައި މެނުވީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެތެރޭގައި ޖިނާއީ ކުށެއް ކޮށްފިކަމަށް ތުހުމަތުކުރެވިގެން ނުވަތަ އެނޫންވެސް ހާލަތެއްގައި ޖިނާއީ ކުށެއް ކޮށްފިކަމަށް ތުހުމަތުކުރެވިގެން ފަނޑިޔާރަކު ހައްޔަރުކުރަންވާނީ އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަށްވުރެ މަތީ ކޯޓެއްގެ އަމުރަށެވެ. އަދި އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހްގީގުކުރާ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅުމުން، އެއީ އެކަށީގެންވާ ކަމެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެނަމަ އޭނާއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ހާލަތެއްގައި، ހައްޔަރުކުރަންޖެހެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްކަމުގައިވާނަމަ، އޭނާ ހައްޔަރުކުރަންވާނީ އެ ކޯޓުގެ ބާކީ ތިބި ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރާ އަމުރަކަށެވެ.

 

13 ވަނަ މާއްދާ - ސަލާމަތާއި ރައްކާތެރިކަން

(ހ) އުއްތަމަފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓާނީ ގާނޫނު ނަންބަރު 1/2008 (ސިފައިންގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

(ށ) އުއްތަމަފަނޑިޔާރު ފިޔަވައި، އެހެން ފަނޑިޔާރުންނަށް، ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އުސޫލުތަކެއް ދައުލަތުގެ ސަލާމަތީ ބާރުތަކުން އެކަށައަޅައި، އެ އުސޫލުތަކާއެއްގޮތްވާ ގޮތުގެމަތިން، ފަނޑިޔާރުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމް، ދައުލަތުގެ ސަލާމަތީ ބާރުތަކުން ހަމަޖައްސަންވާނެއެވެ.

 (ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުތައް އެކަށައެޅުމުގައި، އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. ފަނޑިޔާރުންނާމެދު އާންމު ވިސްނުން ހުރިގޮތް.
  2. ފަނޑިޔާރަކު އާންމުކޮށް ބަލަމުންދާ މައްސަލަތަކުގެ ސަބަބުން ނުރައްކާތެރިކަމަށް އޭނާ ހުށަހެޅިދާނެ ނިސްބަތް.
  3. ފަނޑިޔާރަކު ބަލަމުންދާ ވަކި މައްސަލައަކާގުޅޭ ގޮތުން ނުރައްކާތެރި ކަމަކަށް އޭނާ ހުށަހެޅިދާނެ ނިސްބަތް.
  4. އާންމު މަސްރަހު ގައުމުގައި އޮތްގޮތް.

 

14 ވަނަ މާއްދާ - ފަނޑިޔާރަކާމެދު އެއްވެސް ފިޔަވަޅެއް އަޅާނަމަ، އެ މައުލޫމާތު ފަނޑިޔާރަށް ލިބުން

ފަނޑިޔާރަކާމެދު ގާނޫނުއަސާސީއާއި ގާނޫނު ހުއްދަކުރާ ފިޔަވަޅެއް އެޅުމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމައިފިނަމަ، އެ ފިޔަވަޅެއް އެޅުމުގެކުރިން، އެކަން އެ ފަނޑިޔާރަކަށް ލިޔުމުން އަންގަންވާނެއެވެ. އަދި، އެއްވެސް ލިޔުމެއް ނުވަތަ ނޯޓެއް ފަނޑިޔާރެއްގެ މައުލޫމާތު ފައިލަށް އިތުރުކުރެވިއްޖެނަމަ، އެކަން އެ ފަނޑިޔާރަކަށް އަންގައި، އެ ލިޔުމުގެ ކޮޕީއެއް އެ ފަނޑިޔާރަކަށް ދޭންވާނެއެވެ.

 

ދެވަނަ ބާބު

ފަނޑިޔާރުން އައްޔަންކުރުމާއި ވަކިކުރުން

15 ވަނަ މާއްދާ - ފަނޑިޔާރުންގައި ހުރުން ލާޒިމް ށަރުތުތައް

(ހ) ފަނޑިޔާރުކަމަށް އައްޔަންކުރާ މީހުންނަކީ މި މާއްދާގައިވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަގާމަށް ބޭނުންވާ ފެންވަރަށް ތައުލީމާއި ތަޖުރިބާ ލިބިފައިވުމާއެކު، ފަނޑިޔާރެއްގެ ވާޖިބާއި މަސްއޫލިއްޔަތު އުފުލޭފަދަ ގާބިލު މީހުންނަށް ވާންވާނެއެވެ. އަދި އެބައި މީހުންނަކީ އަހްލާގު ރަނގަޅު ބަޔަކަށް ވާންވާނެއެވެ.

(ށ) ގާނޫނުއަސާސީއާއި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާ ހާލަތުގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން ފަނޑިޔާރުކަމަށް އައްޔަންކުރާ މީހާގެ ކިބައިގައި އަންނަނިވި ސިފަތައް ހަމަވާންވާނެއެވެ.

  1. މުސްލިމަކު ކަމުގައިވުމާއި ސުންނަތް ޖަމާއަތުގެ މީހެއްކަމުގައިވުން؛
  2. އުމުރުން 25 އަހަރުފުރިފައިވާ މީހެއްކަމުގައިވުން؛
  3. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިށްވަތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން؛
  4. ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ފަނޑިޔާރުކަމަށް އައްޔަންކުރާ މީހުންނަކީ ފަނޑިޔާރުކަމުގެ މަގާމަށް ބޭނުންވާ ފެންވަރަށް ތައުލީމު ލިބިފައިވާ މީހުންކަމަށް ކަނޑައެޅުމުގައި، ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި އަންނަނިވި ސިފަތައް އެމީހުންގެ ކިބައިގައި ފުރިހަމަވޭތޯ ބަލަންވާނެއެވެ.

  1. ސުޕްރީމް ކޯޓު، ހައިކޯޓު ނުވަތަ ދަށު ކޯޓަކަށް ކުރިމަތިލާ ފަރާތެއްނަމަ، އިސްލާމީ ށަރީއާ ނުވަތަ ގާނޫނު؛ ނުވަތަ ގާނޫނާއި އިސްލާމީ ށަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން؛
  2. ދަށު ކޯޓުތަކުގެ ތެރެއިން ރަށު ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތެއްނަމަ އިސްލާމީ ށަރީއާ ނުވަތަ ގާނޫނު؛ ނުވަތަ ގާނޫނާއި ށަރީއަތުގެ ރޮނގުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން؛
  3. މިގޮތަށް ހުށަހެޅޭ ސެޓުފިކެޓުތަކަކީ ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތަކުން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓަށްވާންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ފަނޑިޔާރުކަމަށް އައްޔަންކުރާ މީހުންގެ ކިބައިގައި ފަނޑިޔާރުކަމުގެ މަގާމަށް ބޭނުންވާ ފެންވަރަށް ތަޖުރިބާ ލިބިފައިވާ މީހުންކަމަށް ކަނޑައެޅުމުގައި، ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އެމީހުންނަކީ ތިރީގައިވާ މުއްދަތަށް ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގައި ނުވަތަ އެދެކަމުގައި ރާއްޖޭގައި މަސައްކަތްކޮށްފައިވާ މީހުންނަށް ވާންވާނެއެވެ.

  1. ސުޕްރީމް ކޯޓަށް ކުރިމަތިލާ ފަރާތެއްގެ މަދުވެގެން 7 (ހަތެއް) އަހަރުދުވަހުގެ ތަޖުރިބާ؛
  2. ހައިކޯޓަށް ކުރިމަތިލާ ފަރާތެއްގެ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ؛
  3. ދަށު ކޯޓަށް ކުރިމަތިލާ ފަރާތެއްގެ މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން، ފަނޑިޔާރުކަމަށް އައްޔަންކުރާ މީހުންނަކީ އަހްލާގު ރަނގަޅު ބައެއްކަމަށް ކަނޑައެޅުމުގައި، ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އަންނަނިވި ސިފަތައް އެމީހުންގެ ކިބައިގައި ފުރިހަމަވޭތޯ ބަލަންވާނެއެވެ.

  1. ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހްލާގީ އަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމްކުރެވި އެހުކުމް ވޭތުވެދިޔަ 7 (ހަތެއް) އަހަރުދުވަހުގެތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހަކުކަމުގައި ނުވުން؛
  2. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއްއޮތް މީހަކުނަމަ، ހުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން.

(ޅ) ގާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، ތައައްސުބުން އެއްކިބާވެތިބެ މަސައްކަތްކުރާ ބަޔަކަށް ފަނޑިޔާރުން ހެދުމުގެ ބޭނުމުގައި، އަންނަނިވި ސިފަތައް ފަނޑިޔާރުންގައި ފުރިހަމަވޭތޯ ބަލަންވާނެއެވެ.

  1. ސިޔާސީ ޕާޓީއެއްގެ މެންބަރަކު ނުވަތަ ސިޔާސީކަމެއްގައި ހަރަކާތްތެރިވާ މީހަކުކަމުގައި ނުވުން؛
  2. ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން.

(ކ) މި ގާނޫނު ފާސްކުރާއިރު ފަނޑިޔާރުންގެ ގޮތުގައި މަސައްކަތްކުރާ ފަނޑިޔާރުންގެ ތެރެއިން މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަނުވާ ފަނޑިޔާރުންނަށް އެ ށަރުތު ފުރިހަމަކުރުމަށް 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތެއް ޖުޑީށަލް ސަރވިސް ކޮމިށަނުން ދޭންވާނެއެވެ. އެ މުއްދަތު ނިމޭއިރު، އެއިން ފަނޑިޔާރެއްގައި، މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ހުންނަންވާނެކަމަށް ބަޔާންކުރާ ށަރުތެއް ފުރިހަމަނުވާނަމަ، އޭނާއަކީ އެކަށީގެންވާ އިލްމު ލިބިގެންވާ ފަނޑިޔާރެއް ނޫންކަމަށް ކަނޑައެޅުމުގެ ފުރުސަތު ޖުޑީށަލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ. އަދި އެ ކޮމިށަނުން އެހެން ކަނޑައަޅައިފިނަމަ، ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގެ ދަށުން އޭނާ މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(އ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި އެހެން އޮތްނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރާ މީހަކީ އުމުރުން 30 އަހަރުވެފައިވާ މީހަކުކަމުގައި ވާންވާނެއެވެ.

(ވ) މި މާއްދާ އެހެން އޮތްނަމަވެސް، ވަކި ގާނޫނަކުން އުފައްދާ ދަށު ކޯޓެއްގެ ފަނޑިޔާރުންގެ ހުރުން ލާޒިމްކުރާ ށަރުތުތައް އެ ގާނޫނުގައި ކަނޑައެޅުން، މި ގާނޫނު ހުރަހެއްނާޅައެވެ.

 

16 ވަނަ މާއްދާ - ފަނޑިޔާރުން އައްޔަންކުރުން

(ހ) އެހެން ގާނޫނަކުން އެހެންގޮތަކަށް ކަނޑަނާޅާހާހިނދަކު، ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ސުޕްރީމް ކޯޓުގައި ހިމެނިގެންވާނީ، އުއްތަމަފަނޑިޔާރާއި، އިތުރު 6 (ހައެއް) ފަނޑިޔާރުންނާއެކު ޖުމްލަ 7 (ހަތެއް) ފަނޑިޔާރުންނެވެ.

(ށ) ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުކަމުގެ މަގާމަށް މީހަކު އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން އުއްތަމަފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާ މީހަކު ކަނޑައަޅާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ މަށްވަރާގެމަތިން، ރައީސުލްޖުމްހޫރިއްޔާ އިހްތިޔާރުކުރާ ނަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ.

(ނ) ސުޕްރީމް ކޯޓުގެ އެންމެހައި ފަނޑިޔާރުން އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ މަށްވަރާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އިހްތިޔާރުކުރާ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުންނެވެ.

(ރ) އެހެން ގާނޫނަކުން އެހެން ގޮތަކަށް ކަނޑަނާޅާހާހިނދަކު، ގާނޫނުއަސާސީގެ 146 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ހައިކޯޓުގައި ހިމެނިގެންވާނީ 11 (އެގާރަ) ފަނޑިޔާރުންނެވެ.

(ބ) އުއްތަމަފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި، އެހެނިހެން ފަނޑިޔާރުން އައްޔަންކުރާނީ ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

(ޅ) މި މާއްދާގެ (ނ) އެހެންއޮތްނަމަވެސް، ޖުޑީށަލް ސަރވިސް ކޮމިށަނުން ދަށު ކޯޓަކަށް ފަނޑިޔާރަކު އައްޔަންކުރާނީ، ޖުޑީށަލް ކައުންސިލްގެ ލަފާގެމަތިން، އުއްތަމަފަނޑިޔާރު، އެކަމަށް، ޖުޑީށަލް ސަރވިސް ކޮމިށަނުގައި އެދުމުންނެވެ.

 

17 ވަނަ މާއްދާ - ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަންކުރުން

މި ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަންކުރުމުގައި އަމަލުކުރަންވާނީ އަންނަނިވި ގޮތުގެމަތިންނެވެ.

(ހ) ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މީހަކު ނުވަތަ މީހުން އައްޔަންކުރަން ޖެހިއްޖެނަމަ، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޖުޑީށަލް ސަރިވިސް ކޮމިށަނުން ހުށަހަޅާ މީހުންގެ ނަންތައް، އެ މަގާމު ހުސްވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވައިދިނުމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ރައީސުލްޖުމްހޫރިއްޔާ އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޖުޑީށަލް ސަރވިސް ކޮމިށަނަށް ރައީސުލްޖުމްހޫރިއްޔާ އެންގުމުން، ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭމީހުންނަށް އެކަމަށް އެދި ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅުމަށް އެ ކޮމިށަނުން ދައުވަތު ދޭންވާނެއެވެ. އަދި އެ ފުރުސަތުގައި، ރައީސުލްޖުމްހޫރިއްޔާއަށްވެސް އޭނާ ހުށަހަޅަން ބޭނުންވާ ނަންތަކެއް މި މާއްދާގައިވާ އުސޫލުތަކާއެއްގޮތްވާ ގޮތުގެމަތިން، ކޮމިށަނުން ރިއާޔަތްކޮށްދިނުން އެދި ކޮމިށަނަށް ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން އެމަގާމުގެ ށަރުތު ފުރިހަމަވާ މީހުންނާ، ޖުޑީށަލް ސަރވިސް ކޮމިށަނުން އިންޓަރވިއުކޮށް ހެދުމަށްފަހު، އިންޓަރވިއުކުރެވުނު ށަރުތު ފުރިހަމަވާ އެންމެންގެ ނަންތައް، އަދި އޭގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ފެންނަ މީހުންގެ ނަންތައް، ވަކިން އެނގޭގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ޖުޑީށަލް ސަރވިސް ކޮމިށަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާ ނަންތަކުގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ، އެ ފަހަރަކު އައްޔަންކުރަން ޖެހިފައިވާ ފަނޑިޔާރުންގެ އަދަދަށް ނުވަތަ އެ އަދަދަށްވުރެ މަދުނޫން އަދަދެއްގެ ނަމެއް ނުވަތަ ނަންތަކެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި އެ ނަންތަކާއެކު މި މާއްދާގެ (ނ) ގެ ދަށުން ޖުޑީށަލް ސަރވިސް ކޮމިށަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާ އެހެން ހުރިހާ ނަމެއްވެސް ރައްޔިތުންގެ މަޖިލީހުގެ މައުލޫމާތަށްޓަކައި އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވަންވާނެއެވެ.

(ބ) ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މީހަކު އައްޔަންކުރެވޭނީ، މި މާއްދާގެ (ރ) ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަމެއް ނުވަތަ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނަމެއް ފާސްކުރުމުން، އެ މަޖިލީހުން އެކަން ފާސްކުރާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެމީހަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.

(ކ) މި ގާނޫނުގެ ދަށުން އުއްތަމަފަނޑިޔާރުކަމުގެ މަގާމަށް މީހަކު އައްޔަންކުރަން ޖެހިއްޖެނަމަ، އަމަލުކުރާނީ މި މާއްދާގެ (ހ) އިން (ޅ) އަށް ބަޔާންކުރެވިފައިވާ ގޮތުގެމަތިންނެވެ.

 

18 ވަނަ މާއްދާ - ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ފަނޑިޔާރުން އައްޔަންކުރުން

(ހ) ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅުމަށް އެ ކޮމިށަނުން އާންމުކޮށް އިއުލާންކުރަންވާނެއެވެ. ކޯޓުތަކުގެ ފަނޑިޔާރަކަށްވުމަށް އެދި ށައުގުވެރިވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު، އެ މަގާމުގެ ށަރުތުފުރިހަމަވާ، ތައުލީމާއި، ތަޖުރިބާއާއި، އަހްލާގާއި، ގާބިލުކަމަށް ބަލައި، ކަމަށް އެންމެ އެކަށޭނަ ފަރާތެއް ޖުޑީށަލް ސާރވިސް ކޮމިށަނުންގެ މެންބަރުންގެ އަގުލަބިއްޔަތުން އައްޔަންކުރަންވާނެއެވެ.

(ށ) ހައިކޯޓާއި ދަށު ކޯޓުތަކަށް ޖުޑީށަލް ސަރވިސް ކޮމިށަނުން އިސް ފަނޑިޔާރުން އައްޔަންކުރަންވާނެއެވެ. އެގޮތުން އިސް ފަނޑިޔާރުކަމަށް އައްޔަންކުރަންވާނީ އެ ކޯޓެއްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން ތައުލީމާއި، ތަޖުރިބާއާއި، އަހްލާގާއި ގާބިލުކަމަށް ބަލައި، ކަމަށް އެންމެ އެކަށޭނަ ފަރާތެއް، ޖުޑީށަލް ސާރވިސް ކޮމިށަނުގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

 

19 ވަނަ މާއްދާ - ގާނޫނުއަސާސީގެ 145 ވަނަ މާއްދާގައިވާ ސުޕްރީމް ކޯޓު އުފެއްދުން

(ހ) މި ގާނޫނުގެ 17 ވަނަ މާއްދާ އެހެން އޮތްކަމުގައިވީނަމަވެސް، ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ ދަށުން އުފައްދާ ފުރަތަމަ ސުޕްރީމްކޯޓު އުފެއްދުމުގައި، މި މާއްދާގެ (ށ) ގައިވާގޮތަށް އަމަލުކުރުމުން ފުދޭނެއެވެ.

(ށ) ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ ދަށުން އުފައްދާ ފުރަތަމަ ސުޕްރީމް ކޯޓު އުފެއްދުމުގައި، އުއްތަމަފަނޑިޔާރާއި، އެހެނިހެން ފަނޑިޔާރުން އައްޔަންކުރާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ މަށްވަރާގެ މަތިން އެކުލަވާލާ ލިސްޓެއްގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

 

20 ވަނަ މާއްދާ - ހުވައިކުރުން

(ހ) ކޮންމެ ފަނޑިޔާރަކުމެ، މަގާމާ ހަވާލުވުމުގެ ކުރިން، ގާނޫނުއަސާސީގެ ޖަދުވަލު 1 ގައި އެވާ، އަދި ތިރީގައި ނަކަލުކޮށްފައި އެވާ ހުވައިކޮށް، އެ ހުވައިގެ އިގުރާރުގައި ސޮއިކުރަންވާނެއެވެ.

"އަހުރެން، ......................... (މީހާގެ ނަން) ، އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނު ދަމަހައްޓައި، ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި، އުއްތަމަފަނޑިޔާރުގެ/ ފަނޑިޔާރެއްގެ ވާޖިބުތަކާއި، މަސްއޫލިއްޔަތުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނާއެއްގޮތްވާ ގޮތުގެމަތިން، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."

(ށ) މި މާއްދާގެ (ހ) ގައިވާ ހުވައި އުއްތަމަފަނޑިޔާރު ކުރާނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައެވެ. އެހެން ފަނޑިޔާރުން ހުވައިކުރާނީ އުއްތަމަފަނޑިޔާރުގެ ނުވަތަ އުއްތަމަފަނޑިޔާރު ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ހުވައި ލައިދޭނީ އުއްތަމަފަނޑިޔާރު ކަނޑައަޅާ ފަނޑިޔާރެކެވެ. ހުވައިކުރާ ފަރާތަކީ، އުއްތަމަފަނޑިޔާރު ކަމުގައިވާނަމަ، އޭނާއަށް ހުވައި ލައިދޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަނޑައަޅާ ފަނޑިޔާރެކެވެ.

 

21 ވަނަ މާއްދާ - ފަނޑިޔާރުކަމުގެ މުއްދަތު

(ހ) ފަނޑިޔާރުންނަކީ ވަކި މުއްދަތަކަށް އައްޔަންކުރެވޭ ބައެއްނޫނެވެ. ނަމަވެސް ފަނޑިޔާރެއްގެ އުމުރުން 70 އަހަރުވުމުން އެމީހަކު މަގާމުން މުސްކުޅިކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތުމަކުން، މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުނު ތާރީހުން ފެށިގެން 15 (ފަނަރަ) އަހަރު ވަންދެން، 5 (ފަހެއް) އަހަރަށް ވުރެ ދިގުނޫން މުއްދަތެއް ކަނޑައަޅައި ފަނޑިޔާރަކު އައްޔަންކުރުމަކަށް ހުރަހެއްނާޅައެވެ.

 

22 ވަނަ މާއްދާ - ފަނޑިޔާރުން މަގާމުން ވަކިކުރުން އަދި ފަނޑިޔާރުން މަގާމުން ވަކިކުރެވޭ ހާލަތްތައް

(ހ) ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި، އުސޫލުތަކުން ބޭރުނުވެ، މަސައްކަތްކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެއެވެ.

(ށ) ފަނޑިޔާރުކަމުގެ މަގާމުގައިހުރި މީހަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލުނޫންކަމަށް ނުވަތަ އެ މަގާމަށް އެކަށީގެންނުވާފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖުޑީށަލް ސާރވިސް ކޮމިށަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަދެބައިގެ އަގުލަބިއްޔަތުން ފާސްވުމުންނެވެ.

 

23 ވަނަ މާއްދާ - ފަނޑިޔާރުން މަގާމުން ވަކިވުން

މި ގާނޫނުގެ 22 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށްޓަކައި އަންނަނިވި ދެ ހާލަތުގައި އެ ހާލަތެއް ރައްދުވާ ފަނޑިޔާރުން އެ ފަނޑިޔާރެއްގެ މަގާމުން ވަކިވާނެއެވެ.

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިއިރު، ތިބި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރެއްގެ ކިބައިގައި ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ނުވަތަ ށަރުތުތަކެއް ފުރިހަމަ ނުވާކަމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައެޅުމުން.

(ށ) ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ސުޕްރީމް ކޯޓު ގާއިމުކޮށް، އެ ކޯޓަށް އުއްތަމަފަނޑިޔާރާއި އެހެނިހެން ފަނޑިޔާރުން އައްޔަންވުމުން، ގާނޫނުއަސާސީގެ 282 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ސުޕްރީމް ކޯޓު ނިމުމަކަށްއައިސް، އެ ކޯޓުގެ ފަނޑިޔާރުންގެ މުއްދަތު ނިމުމަކަށް އައުމުން.

(ނ) މި މާއްދާގެ (ށ) ގައިވާ އުސޫލު ނިސްބަތްވާ ފަނޑިޔާރުންނަށް އެހެން ކޯޓެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ޖުޑީށަލް ސަރވިސް ކޮމިށަނުން ހަމަޖައްސައިދޭންވާނެއެވެ. އަދި އެމީހުންގެ ފަނޑިޔާރުކަމުގެ ވަޒީފާ ނިމުމަކަށް އަންނާނީ އެގޮތަށް ދެވޭ ފުރުސަތުގައި އެހެން ކޯޓެއްގައި މަސައްކަތްކުރުމަށް ދެވޭ ފުރުސަތުގެ ބޭނުން ނުހިފައިފިނަމައެވެ. އެހެން ކޯޓެއްގައި މަސައްކަތްކުރުމުގެ ފުރުސަތުގެ ބޭނުން ހިފައިފިނަމަ އެކޯޓުގައި މަސައްކަތްކުރަން ފެށުމާއެކު، އޭނާގެ ހައިސިއްޔަތުކަމުގައި ބަލާނީ އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓުގެ ހައިސިއްޔަތެވެ.

 

24 ވަނަ މާއްދާ - ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅިކުރުމުގެ އުމުރު

ފަނޑިޔާރެއްގެ އުމުރުން 70 އަހަރުވުމުން މުސްކުޅިކުރެވޭނެއެވެ. އަދި ފަނޑިޔާރެއްގެ އުމުރުން 55 އަހަރުވުމުން އެ ފަނޑިޔާރަކު މަގާމުން ވަކިވާން ބޭނުންކަމުގައިވާނަމަ، އެކަން ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅައި، ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ އުސޫލަކާއެއްގޮތްވާ ގޮތުގެމަތިން، އަމިއްލައަށް މަގާމުން ވަކިވުމުގެ ފުރުސަތު ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ - މުސްކުޅިކުރާ ފަރާތްތަކަށް ލިބިދެވޭ އިނާޔަތްތައް

(ހ) ފަނޑިޔާރެއްގެ އުމުރުން 70 އަހަރު ފުރުމުން، މުސްކުޅިކުރެވޭ ފަނޑިޔާރުންނަށް ގާނޫނު ނަންބަރު  8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ދެވޭ އިނާޔަތްތަކުގެ އިތުރުން އިނާޔަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ކަނޑައެޅިދާނެއެވެ.

(ށ) މި ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެއްޖެނަމަ، ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ވަކި އަދަދަކަށް ފައިސާ ލިބިދޭގޮތަށް ހަމަޖެއްސުމުގެ އިހްތިޔާރު އެ ކޮމިށަނަށް ލިބިގެންވެއެވެ.

 

26 ވަނަ މާއްދާ - ފަނޑިޔާރުކަމުގެ މަގާމު ހުސްވުން

އަންނަނިވި ހާލަތުންކުރެ ހާލަތެއް، ފަނޑިޔާރުކަމުގައި ހުރި މީހަކަށް ދިމާވެއްޖެނަމަ، އޭނާ ހުރި މަގާމު ހުސްވީ ކަމުގައި ބެލެވޭނެއެވެ.

(ހ) މަރުވުން؛

(ށ) އިސްތިއުފާ ދިނުން؛

(ނ) އުމުރުން 70 އަހަރު ހަމަވުން؛

(ރ) މި ގާނޫނާ އެއްގޮތަށް އެޅޭ ތައުދީބީ ފިޔަވަޅެއްގެ ސަބަބުން މަގާމުން ވަކިވުން؛

(ބ) މި ގާނޫނުގައިވާ ގޮތުގެމަތިން، އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން މަގާމުން މުސްކުޅިކުރުން؛

(ޅ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަގާމުނޫން މަގާމަކަށް ބަދަލުކުރުން؛

(ކ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ފަނޑިޔާރެއްގައި ހުންނަންވާ ށަރުތެއް އުނިވުން؛

(އ) ވަކި މުއްދަތަކަށް އައްޔަންކޮށްފައިހުރި ފަނޑިޔާރަކު އައްޔަންކޮށްފައިހުރި މުއްދަތު ހަމަވުން؛

(ވ) ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އައްޔަންކުރާ ސިޔާސީ މަގާމަކަށް ކުރިމަތިލުން؛

(މ) ގާނޫނުއަސާސީއަށް ނުވަތަ ގާނޫނަކަށް ގެންނަ ބަދަލެއްގެ ސަބަބުން، ފަނޑިޔާރަކު މަސައްކަތްކުރަމުން ދިޔަ ކޯޓެއް އުވުމުން، އެހެން ކޯޓެއްގައި މަސައްކަތްކުރަން ފުރުސަތު ދެވި، އެހެން ކޯޓެއްގައި މަސައްކަތްކުރަން ބޭނުން ނުވުން.

 

27 ވަނަ މާއްދާ - ފަނޑިޔާރަކު މަގާމުން އިސްތިއުފާ ދިނުން

(ހ) ފަނޑިޔާރަކު އޭނާގެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެ ހިނދެއްގައި އޭނާ އެ މަގާމުން އިސްތިއުފާ ދޭކަން އަންގައި، އިސްތިއުފާ ދޭން ބޭނުންވާ ތާރީހާއެކު، ލިޔުމަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅުމުން، އެ ލިޔުމުގައި ކަނޑައަޅައިފައިވާ ތާރީހުން ފެށިގެން، އޭނާ މަގާމުން ވަކިވާނެއެވެ.

 (ށ) މި ގާނޫނުގައިވާ ގޮތުގެމަތިން، ފަނޑިޔާރަކު މަގާމުން އިސްތިއުފާ ދިނުމަކުން އެ ފަނޑިޔާރަކަށް ލިބެންޖެހޭ ޕެންށަން ނުވަތަ އެނޫންވެސް އިނާޔަތަކުން މަހްރޫމެއް ނުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފޮނުވާ އިސްތިއުފާގެ ލިޔުމާއި އިސްތިއުފާ ދޭ ތާރީހާދެމެދު 7 (ހަތެއް) ދުވަހަށްވުރެ ގިނަދުވަހުގެ ފަރަގު ހުރެއްޖެނަމަ، އޭނާ ހަވާލުވެހުރި މައްސަލަތައް ބެލުމުން، އިސްތިއުފާ ހުށަހެޅި ތާރީހުން ފެށިގެން، އެ ފަނޑިޔާރަކު އެކަހެރިވާންވާނެއެވެ.

 

28 ވަނަ މާއްދާ - ހުސްވާ މަގާމަށް ފަނޑިޔާރަކު އައްޔަންކުރުން

މި ގާނޫނުގެ 26 ވަނަ މާއްދާގައި ބުނެފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން ފަނޑިޔާރެއްގެ މަގާމު ހުސްވެއްޖެނަމަ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޖުޑީށަލް ސަރވިސް ކޮމިށަނުން އެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.

 

ތިންވަނަ ބާބު

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތައް

29 ވަނަ މާއްދާ - ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު

(ހ) ފަނޑިޔާރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އޭނާގެ މަގާމުގެ މުއްދަތުގައި، ފަނޑިޔާރު އަންނަނިވިގޮތަށް އަމަލުކުރަންވާނެއެވެ.

  1. ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން ކަންކަންކުރުން؛
  2. އެއްވެސް މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް، ނުވަތަ ވާހަކަދައްކާ ބަހަށާއި، އިޖްތިމާއީ ދަރަޖަ ނުވަތަ މަގާމަށް ބަލައި ތަފާތުނުކުރުން؛
  3. އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތައައްސުބުން އެއްކިބާވެހުރެ މުސްތަގިއްލުކަމާއެކު، ފަނޑިޔާރުންގެ މަސައްކަތްތައް ގާނޫނުއަސާސީއާއި ގާނޫނާއެއްގޮތަށް ކުރުމާއި، ކަންކަން ނިންމުން؛
  4. ފަނޑިޔާރުންގެ މަސައްކަތުގެ އަސާސް ހަމަހަމަކަމާއި، ހާމަކަމުގެ މައްޗަށް ބިނާކުރުން؛
  5. ފަނޑިޔާރު ކުރާކަމަކުން، ނުވަތަ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކައަކުން، ނުވަތަ ފާޅުކުރާ ހިޔާލަކުން، ނުވަތަ އެނޫންވެސް އެހެންގޮތަކުން، ފަނޑިޔާރުގެ މިނިވަންކަމާއި، މުސްތަގިއްލުކަމާއި، އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސްކަމެއް ނުކުރުން އަދި ސިޔާސީ ގޮތުން ވަކި ފަރާތަކަށް ބުރަވެހުރެ ވާހަކަ ނުދެއްކުން؛
  6. މަގާމުގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އޭނާ އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައި ދިނުމަށް ބޭނުންނުކުރުން؛
  7. މަގާމުގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ މައުލޫމާތެއް އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، އެހެން ގޮތަކަށް އެ މައުލޫމާތެއް ހާމަނުކުރުން؛
  8. ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ށާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް (އިލްމީ މަސައްކަތްތައް ފިޔަވައި) ، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާނުކުރުން؛
  9. ފަނޑިޔާރުންގެ ހުރިހާ ވަގުތެއްގައިވެސް، ހުރިހާ އަމަލެއްގައިވެސް، މުޖްތަމައު ގަބޫލުކުރާ ފެންވަރުގައި، އޭނާގެ އަހްލާގާއި އަބުރުގެ ރައްކާތެރިކަން ދެމެހެއްޓުން؛
  10. ސިޔާސީ ހިޔާލުތައް ފާޅުކޮށް ސިޔާސީކަމެއްގައި ނުއުޅުން؛
  11. ފަނޑިޔާރަކު ބަލަމުންދާ މައްސަލައަކާގުޅޭގޮތުން، ނުވަތަ އޭނާ މަސައްކަތްކުރަމުންދާ ކޯޓަކާގުޅޭގޮތުން، ސިޔާސީ ފަރާތްތަކުން ނުވަތަ މީޑިއާގެ ފަރާތަކުން ދައްކަމުންދާ ވާހަކައަކަށް ރައްދުދިނުމަށްޓަކައި، މީޑިއާގައި ނުވަތަ މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ފަނޑިޔާރަކު ސީދާ ރައްދު ނުދިނުން. އަދި، މީޑިއާގައި އުފެދޭ މައްސަލަތަކަށް ކޯޓުގެ ކަމާބެހޭ މުވައްޒަފަކު މެދުވެރިކޮށް ޖަވާބުދާރީވުން؛
  12. އެއްވެސް ފަނޑިޔާރަކު، އެ ފަނޑިޔާރަކާ ތިންވަނަ ދަރަޖައަށްވުރެ ތިމާގެ މީހަކު ހިމެނޭ މައްސަލައެއް ނުބެލުން؛
  13. ފަނޑިޔާރަކު، ސީދާގޮތުން ނުވަތަ ނުސީދާގޮތުން އަމިއްލަ ނުވަތަ ށަހްސީ މަސްލަހަތެއްއޮތް ނުވަތަ މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކާއެކުއޮތް ގުޅުމެއްގެ ސަބަބުން ފަނޑިޔާރެއްގެ ގޮތުން އަދާކުރަންޖެހޭ ވާޖިބަށް ހުރަސްއެޅިދާނެ އެއްވެސް މައްސަލައެއް ނުބެލުން؛
  14. ފަނޑިޔާރަކު އެއްވެސް ހަސްމެއް ނުވަތަ ހަސްމެއްގެ ވަކީލަކު ނުވަތަ އެއިން މީހަކާ ގުޅުމެއްއޮތް މީހެއްގެ ކިބައިން އެއްވެސްގޮތަކަށް ހަދިޔާއެއް ގަބޫލުނުކުރުން. އަދި އެފަދަ ހަދިޔާއެއް ގަބޫލުކުރުމުގެ އިޒުނަ އާއިލާގެ މީހަކަށްވިޔަސް ނުވަތަ އެނގިހުރެ އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފަކަށްވެސް ނުދިނުން؛
  15. އެއްވެސް މައްސަލައެއްގައި ހާޒިރުކުރެވޭ މީހަކަށް، ނުވަތަ ގާނޫނީ ވަކީލަކަށް އަމާޒުވާގޮތަށް ކުށްވެރިކުރުމުގެ ނުވަތަ ކުށް ދެއްކުމުގެ ބަސްތައް، ނުވަތަ މަލާމާތުގެގޮތަށް ބަސްމޮށުންތެރިކަން ނުބެހެއްޓުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައިގަނޑު އުސޫލުތައް ނެގެހެއްޓުމަށްޓަކައި ބޭނުންވާ ތަފްސީލު މިންގަނޑުތައް އެކުލަވާލައި ހިންގުމުގެ ބާރު ޖުޑީށަލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

 

30 ވަނަ މާއްދާ - ފަނޑިޔާރުންގެ މަސްއޫލިއްޔަތުތައް

ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) ގާނޫނުއަސާސީއާއި ހެދިފައިވާ ގާނޫނުތަކާއެއްގޮތަށް ވެރިކަމާއި، ތެދުވެރިކަމާއެކު ހާމަކަންބޮޑު ގޮތަކަށް ށަރީއަތުގެ މަޖިލިސް ހިންގުން؛

(ށ) ދިވެހިރާއްޖޭގެ އެންމެހައި ގާނޫނުތަކަށާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު މަސައްކަތުގެ ފަންނީ މިންގަނޑުތައް ހިފަހެއްޓުން؛

(ނ) މައްސަލައަކާގުޅިގެން ކޯޓަށް ހާޒިރުވާ ގާނޫނީ ވަކީލުންނަށާއި، ހެކިވެރީންނަށާއި، އާންމުންގެ މީހުންނަށާއި، ވަޒީފާގެ ވަގުތުގައި ބައްދަލުވާންޖެހޭ އެންމެހައި ފަރާތްތަކާއި މުއާމަލާތްކުރުމުގައި ފަނޑިޔާރުންނަކީ ކެތްތެރި، މަސްއޫލުވެރި އަދި ހިދުމަތްތެރި ބަޔަކަށްވުން؛

(ރ) މައްސަލައާގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކާއި ގަރީނާ ހުށަހެޅުމާއި މައްސަލައާގުޅޭ ވާހަކަތައް ދެއްކުމަށް މައްސަލައިގެ ހަސްމުންނަށް ނުވަތަ ހަސްމުން ތަމްސީލުކުރާ ފަރާތްތަކަށް އިޖުރާއަތުގައިވާ ގޮތުގެމަތިން، އެކަށޭނެ ފުރުސަތު ދިނުން؛

(ބ) ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، އާންމު މިނިވަންކަން ދިފާއުކުރަން މަސައްކަތްކުރުން؛

(ޅ) ފަނޑިޔާރުން އަދާކުރުމަށް ހަމަޖެހިފައިވާ ގާނޫނީ އެންމެހައި ވާޖިބުތަކާއި ގާނޫނުއަސާސީންނާއި ގާނޫނުން ފަނޑިޔާރުން އަދާކުރުމަށް ކަނޑައަޅާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން؛

(ކ) މައްސަލަތަކާ ގުޅިގެން އަދި އެހެނިހެން ގޮތުންވެސް ފަނޑިޔާރުން ރަސްމީ ހައިސިއްޔަތުން ބައްދަލުކުރާ އެންމެހައި ފަރާތްތަކާއި މުއާމަލާތްކުރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމަށް؛

(އ) ގާނޫނުއަސާސީއާއި ގާނޫނުން ފަނޑިޔާރުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

 

31 ވަނަ މާއްދާ - ފަނޑިޔާރުންގެ ބާރުތައް

ފަނޑިޔާރުންނަށް ބާރު ލިބިދެނީ ގާނޫނުއަސާސީއާއި ގާނޫނުގެ ދާއިރާގެ ތެރެއިންނެވެ. މިގޮތުން ފަނޑިޔާރުންގެ ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) ފަނޑިޔާރުންގެ ދައުރު އަދާކުރުމުގައި، ވަކިފަރާތަކަށް ނުޖެހި، އަދި ވަކި ތައައްސުބެއްނެތި، އަދުލުވެރިގޮތުގައި ފަނޑިޔާރުންނަށް ލިބިފައިވާ އިހްތިޔާރު ބޭނުންކުރުން؛

(ށ) ފަނޑިޔާރުންގެ ދައުރު އަދާކުރުމުގައި، ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެ ހައްގުތައް ހިމާޔަތްކުރުން؛

(ނ) ގާނޫނުއަސާސީއާއި ގާނޫނުން ފަނޑިޔާރުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

 

32 ވަނަ މާއްދާ - އުއްތަމަ ފަނޑިޔާރުގެ މަސްއޫލިއްޔަތު

އުއްތަމަފަނޑިޔާރުގެ މަސްއޫލިއްޔަތުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) ގާނޫނުއަސާސީއާއި ގާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިހްލާސްތެރިކަމާއެކު ތަންފީޒުކޮށް، ފަނޑިޔާރުންގެ އަމަލުތައްވެސް އެގޮތަށް ބެހެއްޓުމަށް ބާރުއެޅުން؛

(ށ) ށަރުއީ މަރުހަލާގެ ދުރު ރާސްތާގެ ކުރިމަގު ބައްޓަންކުރާނެގޮތުގެ މިސްރާބާއި ލަނޑުދަނޑިތައް ކަނޑައެޅެން؛

(ނ) ށަރުއީ ނިޒާމްގެ މިނިވަންކަމާއި މުސްތަގިއްލުކަން ހިފަހައްޓައި ތަރައްގީކުރުމުގެ ގޮތުން ކޯޓުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ މަގުދައްކައިދިނުން؛

(ރ) ހުރިހާ ށަރުއީ އިދާރާތައް ގުޅިގެން ހިންގުންތެރިކަމާއެކު މަސައްކަތްކުރޭތޯ ބެލުން؛

(ބ) ކޯޓުން ޖަވާބުދާރީ ވާންޖެހޭ ކަންކަމުގައާއި ހާލަތްތަކުގައި އެ ކޯޓަކަށް އެހީތެރިވުން؛

(ޅ) ކޯޓުގެ ކަންކަން ހިންގުމުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ، އާންމު އިދާރީ ކަންކަން ރާވައި ހިންގާ ފަރާތްތަކަށް ބޭނުންވާ މަށްވަރާއާއި ލަފާ ދިނުން؛

(ކ) ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، އާންމު މަސްލަހަތު ދިފާއުކުރަން މަސައްކަތްކުރުން؛

(އ) ކޯޓުތައް ހިންގުމަށް ބެނުންވާ އެންމެހައި ގަވާއިދުތަކާއި އުސޫލުތައް ކަނޑައެޅުމުގައި އިސްކޮށް ހަރަކާތްތެރިވުން؛

(ވ) ކޯޓުން އަދާކުރުމަށް ހަމަޖެހިފައިވާ ގާނޫނީ އެންމެހައި ވާޖިބުތަކާއި ގާނޫނުއަސާސީންނާއި ގާނޫނުން އުއްތަމަފަނޑިޔާރު އަދާކުރުމަށް ކަނޑައަޅާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން.

 

33 ވަނަ މާއްދާ - އިސް ފަނޑިޔާރުންގެ މަސްއޫލިއްޔަތު

ކޯޓުތަކުގެ އިސް ފަނޑިޔާރުންގެ މަސްއޫލިއްޔަތުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) މި ގާނޫނުގެ 30 އަދި 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތައް އެ ދެ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް އަދާކުރުމާއި އެކަންކަން އެހެން ފަނޑިޔާރުންގެ ފަރާތުންވެސް ކަށަވަރުކުރުން؛

(ށ) ކޯޓުގެ ތަރައްގީއަށްޓަކައި ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި މަށްރޫއުތައް އެކުލަވައި އެކަށައަޅައި ހިންގުމުގައި ކޯޓަށް ލަފާދީ އެހީތެރިވެދިނުން؛

(ނ) ކޯޓުން ޖަވާބުދާރީ ވާންޖެހޭ ކަންކަމުގައާއި ހާލަތްތަކުގައި ކޯޓަށް އެހީތެރިވުން؛

(ރ) ކޯޓުގެ ކަންކަން ހިންގުމުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގާ ފަރާތްތަކަށް ބޭނުންވާ މަށްވަރާއާއި ލަފާ ދިނުން؛

(ބ) ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް، ކުރިއެރުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، އާންމު މަސްލަހަތު ދިފާއުކުރަން މަސައްކަތްކުރުން؛

(ޅ) ކޯޓުގެ ކުރިމަގު ބައްޓަންކުރާނެގޮތުގެ މިސްރާބާއި ލަނޑުދަނޑިތައް ކަނޑައެޅުން؛

(ކ) ށަރުއީ ނިޒާމްގެ މިނިވަންކަމާއި މުސްތަގިއްލުކަން ހިފަހައްޓައި ތަރައްގީކުރުމުގެގޮތުން އެ މަރުހަލާގެ ކޯޓުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ މަގުދައްކައިދިނުން؛

 (އ) ކޯޓުން އަދާކުރުމަށް ހަމަޖެހިފައިވާ ގާނޫނީ އެންމެހައި ވާޖިބުތަކާއި ގާނޫނުއަސާސީންނާއި ގާނޫނުން އިސް ފަނޑިޔާރު އަދާކުރުމަށް ކަނޑައަޅާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން.

 

34 ވަނަ މާއްދާ - ފަނޑިޔާރުން ޖަވާބުދާރީކުރުވުން

ތިރީގައިވާ ހާލަތްތަކުގައި، މި ގާނޫނުގެ 35 ވަނަ މާއްދާއާއި އެ މާއްދާއާ ގުޅުންހުރި އެހެން މާއްދާތަކުގައިވާ ގޮތުގެމަތިން، ފަނޑިޔާރުން ޖަވާބުދާރީކުރެވިދާނެއެވެ.

(ހ) ފަނޑިޔާރުކަމުގެ ވާޖިބުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ނުވަތަ ފަނޑިޔާރަކު ކޮށްގެންނުވާނެ އަމަލެއްކަމަށް ގަބޫލުކުރެވޭކަމެއް ކުރުން؛

(ށ) ފަނޑިޔާރުކަމުގެ މަގާމުގެ ހައިބަތާއި ށަރަފަށް އުނިކަމެއް އަތުވެދާނެކަމަށް ގަބޫލުކުރެވޭ އަމަލެއް ކުރުން؛

(ނ) ކޯޓުގެ ހައިބަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެކަމަށް ގަބޫލުކުރެވޭ އަމަލެއް ކުރުން.

 

35 ވަނަ މާއްދާ - ފަނޑިޔާރުންނާމެދު ފިޔަވަޅުއެޅުމުގެ ބާރު

(ހ) ފަނޑިޔާރުންނާމެދު ތައުދީބީ ފިޔަވަޅުއެޅުމަކީ ޖުޑީށަލް ސަރވިސް ކޮމިށަނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެކެވެ.

(ށ) ޖުޑީށަލް ސަރވިސް ކޮމިށަނުގައި ތައުދީބީ ކޮމިޓީއެއް އޮންނަންވާނެއެވެ.

 

36 ވަނަ މާއްދާ - ފަނޑިޔާރަކާމެދު އެޅޭނެ ތައުދީބީ ފިޔަވަޅުތައް

ފަނޑިޔާރެއްގެ މައްޗަށް ކަނޑައެޅޭނީ އެ ފަނޑިޔާރަކު ކުރި އަމަލެއްގެ ކުޑަބޮޑު މިނަށް ބަލައި، ތިރީގައި ވާ ތައުދީބީ ފިޔަވަޅުތަކެވެ.

(ހ) ނަސޭހަތްދިނުން؛

(ށ) އިންޒާރުކުރުން؛

(ނ) ހުރި މަގާމަށްވުރެ ދަރަޖަ ދަށްކުރުން؛

(ރ) ފަނޑިޔާރު މަސައްކަތްކުރާ ކޯޓާ އެއްދަރަޖައިގެ އެހެން ކޯޓަކަށް ބަދަލުކުރުން؛

(ބ) ވަޒީފާއިން ވަކިކުރުމަށް ހުށަހެޅުން.

 

37 ވަނަ މާއްދާ - ތައުދީބީ މައްސަލަ ބެލުން

(ހ) ފަނޑިޔާރެއްގެ ތައުދީބީ މައްސަލަތައް ބަލައި، ގޮތެއް ކަނޑައަޅާނީ ޖުޑީށަލް ސަރވިސް ކޮމިށަނުގެ ރަސްމީ ޖަލްސާއެއްގައި ހާޒިރުވެތިބި މެންބަރުންގެ

އަގުލަބިއްޔަތުންނެވެ. މިގޮތުން، ގޮތެއް ކަނޑައަޅާއިރު އެ މައްސަލައަކާބެހޭ ގޮތުން އެކަށީގެންވާ މިންވަރުގެ ތަހްގީގެއްކުރެވިފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާފަދަ މައްސަލައެއް ހުށަހަޅަންވާނީ، ކުރެވިފައިވާ ތުހުމަތަކާއި އެ ތުހުމަތަށް ތާއީދު ދެނިވި ހެކިތަކާއެކު، އެކަމަށް ކަނޑައެޅިފައިވާ ފޯމަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށެވެ.

(ނ) މި މާއްދާގެ (ހ) ގައިވާފަދަ މައްސަލައެއް ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅުމާއެކު، އެ ކޮމިށަނަށް ފެނިއްޖެނަމަ، އެ ކޮމިށަނަށް އެ ފަނޑިޔާރަކު ހާޒިރުވުމުގެ އަމުރު ނެރެންވާނެއެވެ.

(ރ) ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅޭ ފަނޑިޔާރެއްގެ މައްސަލައެއް ތަހްގީގުކުރާއިރު، އެ ފަނޑިޔާރަކު މައްސަލައިގައި ބުނާ އެއްޗެއް ހޯދުމަށް އަޑުއެހުމެއް ބޭއްވުމަށްފަހު، މައްސަލައިގެ ބާވަތަށާއި، ފަނޑިޔާރު މައްސަލައިގައި ބުނާ އެއްޗަކަށް ރިއާޔަތްކޮށް އެ ފަނޑިޔާރަކު ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމުގެ އިހްތިޔާރު އެކޮމިށަނަށް ލިބިގެންވެއެވެ. މިގޮތަށް ފަނޑިޔާރަކު ހުންނަ ހުރުމުގައިވެސް އެ ފަނޑިޔާރެއްގެ މުސާރައާއި އިނާޔަތްތަކުން މަހްރޫމެއް ނުކުރެވޭނެއެވެ.

(ބ) ކޮމިށަނަށް ފެނިއްޖެ ކޮންމެ ވަގުތެއްގައި މި މާއްދާގެ (ރ) ގައިވާ ނިންމުމާމެދު އަލުން ނަޒަރުކޮށް ވަޒީފާއަށް ނުކުތުން މަނާކޮށްފައިވާ ފަނޑިޔާރަކު އަނބުރާ ވަޒީފާއަށް ނެރެވިދާނެއެވެ.

(ޅ) ފަނޑިޔާރެއްގެ މައްސަލައެއް ތަހްގީގުކުރަމުން ދަނިކޮށް، ނުވަތަ މައްސަލައިގައި ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އެ ފަނޑިޔާރަކު މަގާމުން އިސްތިއުފާ ދީފިނަމަ، ތައުދީބީ މައްސަލަ އެހިސާބުން ބާތިލުވާނެއެވެ. ނަމަވެސް މީގެ ސަބަބުން އެފަދަ މައްސަލައެއްގައި ހިމެނޭ ކަމަކުން އުފެދުނު މަދަނީ ނުވަތަ ޖިނާއީ ދައުވާއަކަށް އަސަރެއް ނުކުރާނެއެވެ.

(ކ) ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅިފައިވާ މައްސަލައަކާބެހޭ ގޮތުން ކޮމިށަނަށް ކުރުން ލާޒިމްކަމަށް ފެންނަ ކޮންމެ ތަހްގީގެއް ކުރެވިދާނެއެވެ. މިގޮތުން ކުރާ ތަހްގީގެއް ކުރުމަށް ކޮމިށަނުން ކަނޑައަޅާ ކޮމިޓީއަކާ ނުވަތަ މެންބަރަކާ ހަވާލުކުރެވިދާނެއެވެ.

 (އ) ޖުޑީށަލް ސަރވިސް ކޮމިށަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ކޮމިށަނަށް ނުވަތަ ތަހްގީގު ކޮމިޓީއަށް ނުވަތަ ތަހްގީގުކުރުމާ ހަވާލުކުރެވިފައިވާ މެންބަރަކަށް، ހެކިން ހާޒިރުކޮށް، އަޑުއެހުން ބޭއްވުންފަދަ ކަންތަކުގައި ކޯޓަކަށް ލިބިދޭ އެންމެހައި އިހްތިޔާރުތައް ލިބިގެންވެއެވެ.

(ވ) ފަނޑިޔާރަކާމެދު އެއްވެސް ތައުދީބީ ފިޔަވަޅެއް އަޅައިފިނަމަ، އެކަން އެ ފަނޑިޔާރެއްގެ މައުލޫމާތު ފައިލުގައި ހިމަނަންވާނެއެވެ. އަދި އެފަދަ ލިޔުމެއްގެ ކޮޕީ އެ ފަނޑިޔާރަކަށް ލިބެންވާނެއެވެ.

(މ) ފަނޑިޔާރަކު މަގާމުން ވަކިކޮށްފި ހިނދެއްގައި، އޭނާއަށް ލިބިގެންވާ ޕެންށަނުގެ ހައްގު ފިޔަވައި، އެނޫން އެހެން އިނާޔަތެއް ލިބުމުން މަހްރޫމުކުރެވިގެންވެއެވެ.

 

ހަތަރުވަނަ ބާބު

މުސާރައާއި އިނާޔަތްތައް

38 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް

ފަނޑިޔާރުކަމުގެ މަގާމުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ މި ގާނޫނުގެ 8 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ރައްޔިތުންގެ މަޖިލީހުންނެވެ.

 

39 ވަނަ މާއްދާ - މުސާރައިގެ އިތުރުން ލިބޭ އިނާޔަތްތައް

(ހ) މެޑިކަލް ސްކީމެއްގެ ދަށުން ކޮންމެ ފަނޑިޔާރަކަށާއި، އޭނާގެ 18 އަހަރު ނުފުރޭ އުފަން ދަރިންނަށާއި، އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށާއި، އޭނާގެ މައިންބަފައިންނަށް، ރާއްޖޭން ނުވަތަ ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރެވޭނެގޮތް ދައުލަތުގެ ހަރަދުގައި ހަމަޖައްސަންވާނެއެވެ.

(ށ) ކޮންމެ ފަނޑިޔާރަކަށްމެ މުސާރައިގެ އިތުރުން، ލިވިންގ އެލަވަންސެއް ލިބެންވާނެއެވެ. އަދި ލިވިންގ އެލަވަންސް ދިނުމުގައި އެ ފަނޑިޔާރަކު ދިރިއުޅޭ ރަށެއްގެ ދިރިއުޅުމުގެ ފެންވަރަށް ރިއާޔަތްކުރަންވާނެއެވެ. އަދި، އެއް ކޯޓެއްގައި މަސައްކަތްކުރާ ފަނޑިޔާރުންގެ މެދުގައި، ލިވިންގ އެލަވަންސްގެ ފަރަގެއް ގެންގުޅެގެން ނުވާނެއެވެ. އަދި އެކި ފަނޑިޔާރުންނަށް އެކި ބާވަތުގެ ލިވިންގ އެލަވަންސް ނުވަތަ ދިރިއުޅުމުގެ ފަސޭހައަކަށްޓަކައި އެކި އެކި އިނާޔަތްތައް ދީގެންނުވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންވެގެންވާ އިނާޔަތްތަކުގެ އިތުރުންވެސް ދައުލަތުގެ މުވައްޒަފުންނަށް ލިބިދޭ ހާއްސަ މާލީ އިނާޔަތްތައް ފަނޑިޔާރުންނަށް ލިބިދިނުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

 

ފަސްވަނަ ބާބު

ފަނޑިޔާރުކަމުގެ މަސައްކަތާގުޅޭ އެހެނިހެން ކަންތައްތައް

40 ވަނަ މާއްދާ - ފަނޑިޔާރުން ކޯޓުން ބޭރުގައި ހުކުމްވެރިއަކަށް ނުވުން

އެއްވެސް ފަނޑިޔާރަކު ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހުއްދައެއް ނެތި މުސާރައަކަށް ނުވަތަ ހިލޭ ވިޔަސް ކޯޓުން ބޭރުގައި ބެލޭ މައްސަލައެއްގެ ހުކުމްވެރިއަކަށް ވެގެން ނުވާނެއެވެ. ނަމަވެސް ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހުއްދައާއެކު ސަރުކާރުގެ ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ފަރާތުން ހުކުމްވެރިއަކަށް ވެވިދާނެއެވެ.

 

41 ވަނަ މާއްދާ - ފަނޑިޔާރުން މަގާމުގައި ތިބެ ކުރެވޭނެ އަދި ނުކުރެވޭނެ ކަންތައްތައް

އަންނަނިވި ބާވަތުގެ މަސައްކަތްތައް ކުރުމަކީ ފަނޑިޔާރުކަމާ ތައާރުޒުވާކަމެއް ނޫނެވެ.

(ހ) ށަރުއީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމަށް އަމާޒުކޮށް ކުރާ މަސައްކަތްކުރުން.

(ށ) ވަކި ފަރާތަކަށް ސިޔާސީ ފައިދާއެއް ހޯދައިދިނުމުގެ ނިޔަތެއްނެތި، އިލްމީ ލިޔުންތައް ލިޔުމާއި، މަޒުމޫނު ލިޔުމާއި، އިލްމު އުގަންނައިދިނުން.

(ނ) ފަނޑިޔާރުންގެ ޖަމްއިއްޔާއެއްގައި ނުވަތަ ހަމައެކަނި އިލްމީ މަސައްކަތެއްކުރާ ޖަމްއިއްޔާއެއްގައި މަސައްކަތްކުރުން.

(ރ) ފަނޑިޔާރުކަމާއި ށަރުއީ ދާއިރާގެ މުސްތަގިއްލުކަމާ ހައިބަތަށް ބުރޫނާރާނޭ ގޮތެއްގެމަތީން އަމިއްލަ ދިރިއުޅުމުގެ މަސައްކަތްކުރުން.

(ބ) ދައުލަތުގެ ފަރާތުން އާންމު މުވައްޒަފުންނަށް ކަނޑައަޅައިފައިވާ އެކި ފަންޑުތަކުގައި ފަނޑިޔާރުންނަށް ބައިވެރިވެވިދާނެއެވެ. އެހެންނަމަވެސް އެފަދަ އެއްވެސް ފަންޑެއް ހިންގާ ފަރާތަކަށް ފަނޑިޔާރަކު ވެގެންނުވާނެއެވެ.

(ޅ) މިނޫނަސް ފަނޑިޔާރުންގެ މިނިވަންކަމާ މުސްތަގިއްލުކަމާ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތަށް ބުރޫނާރާކަމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ކޮންމެ މަސައްކަތެއް ކުރެވިދާނެއެވެ.

(ކ) ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) އާއި އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ސެކިއުރިޓީޒްގެ ވިޔަފާރި ކުރުމާއި، ސްޓޮކް އެކްސްޗޭންޖާ ގުޅޭ މުއާމަލާތްތައް ހިންގުން.

 

42 ވަނަ މާއްދާ - ފަނޑިޔާރުން ކޮށްގެންނުވާނެ މަސައްކަތް

ފަނޑިޔާރަކު އެއްވެސް ހާލަތެއްގައި ތިރީގައި ބަޔާންކޮށްފައިވާ މަސައްކަތެއް ކޮށްގެންނުވާނެއެވެ.

(ހ) ފަނޑިޔާރުކަން ފިޔަވައި ދައުލަތުގެ އެހެން އެއްވެސް ވަޒީފާއެއް އަދާކުރުން.

(ށ) އަމިއްލަ ފަރާތެއްގެ ވަޒީފާއެއް އަދާކުރުން.

(ނ) ފަނޑިޔާރަކު ފަނޑިޔާރެއްގެ ގޮތުގައި ހުންނަހާ ހިނދަކު، އެއްވެސް މައްސަލައެއްގައި ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުން، ނުވަތަ ލޯ ފާރމެއް ހިންގުން، ނުވަތަ އެފަދަ ތަނެއްގައި މަސައްކަތްކުރުން.

 

43 ވަނަ މާއްދާ - ފަނޑިޔާރުންގެ އަދަދު ކަނޑައެޅުން

ދަށު ކޯޓުތަކުގެ ތެރެއިން ކޯޓެއްގައި ފަނޑިޔާރުން ތިބޭނެ އަދަދު ގާނޫނަކުން ކަނޑައަޅާފައި ނުވާހާހިނދަކު، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ އަދަދު ކަނޑައަޅާނީ ޖުޑީށަލް ކައުންސިލުން ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

 

44 ވަނަ މާއްދާ - ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓު އުވުން

(ހ) ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓެއް އުވިއްޖެހިނދެއްގައި، އެ މަރުހަލާގެ އެހެން ކޯޓެއްގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރުމަށް އެއްބަސްވާނަމަ، އެފަދަ މަގާމަކަށް އޭނާ އައްޔަންކުރަންވާނެއެވެ.

(ށ) ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓެއް އުވިއްޖެހިނދެއްގައި، އަދި، އެ ކޯޓަކީ، އެ މަރުހަލާގެ ހަމައެކަނި ކޯޓުކަމުގައިވާނަމަ، އެ ފަނޑިޔާރަކު، އެ އުވުނު މަރުހަލާ އާ ވިދިގެން ދަށު މަރުހަލާގައިވާ ކޯޓުގެ ފަނޑިޔާރަކަށް އައްޔަންވުމަށް އެއްބަސްވާނަމަ، އެފަދަ މަގާމަކަށް އޭނާ އައްޔަންކުރަންވާނެއެވެ.

 

45 ވަނަ މާއްދާ - ވަޒީފާއަށް ނުކުތުން މަނާކުރުމާމެދު ށަކުވާ ހުށަހެޅުން

ކުށެއްގެ ތުހުމަތުގައި ފަނޑިޔާރަކު ވަޒީފާއަށް ނުކުތުން މަނާކުރެވިއްޖެނަމަ، އެ ކަމާބެހޭ ގޮތުން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޖުޑީށަލް ސަރވިސް ކޮމިށަނަށް ށަކުވާ ހުށަހެޅުމުގެ ހައްގު އެ ފަނޑިޔާރަކަށް ލިބިގެންވެއެވެ.

 

46 ވަނަ މާއްދާ - ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރުން

ފަނޑިޔާރަކު މަސައްކަތްކުރަމުންއައި ކޯޓު އުވިގެންދާ މަރުހަލާ ފިޔަވައި، އެހެން ހާލަތްތަކުގައި، އެއްވެސް ފަނޑިޔާރަކު އޭނާ އައްޔަންކުރެވޭ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރަންވާނީ، ޖުޑީށަލް ކައުންސިލްގެ ހުށަހެޅުމަކަށެވެ. މިގޮތުން ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރާނަމަ، ބަދަލުކުރެވޭނީ އެ ފަނޑިޔާރަކު މަސައްކަތްކުރަމުން އައި ކޯޓާ އެއްފަދަ، އެއް ދަރަޖައެއްގެ ކޯޓަކަށެވެ.

 

47 ވަނަ މާއްދާ - ފަނޑިޔާރަކާ އެހެން ކޯޓެއްގައި ވަގުތީ ގޮތުން ށަރީއަތްކުރަން ހަވާލުކުރުން

ވަގުތީގޮތުން އެހެން ކޯޓެއްގެ ށަރީއަތްކުރަން ފަނޑިޔާރަކާ ހަވާލުކުރާނަމަ، ހަވާލުކުރެވޭނީ އެ ފަނޑިޔާރަކު މަސައްކަތްކުރަމުން އައި ކޯޓާ އެއް ދަރަޖައެއްގެ ކޯޓެއްގެ މަސައްކަތެވެ.

 

48 ވަނަ މާއްދާ - އެހެން ކޯޓެއްގައި ވަގުތީ ގޮތުން ށަރީއަތްކުރަން ހަވާލުކުރެވޭނެ ހާލަތް

ފަނޑިޔާރަކާ ވަގުތީ ގޮތުން އެހެން ކޯޓެއްގައި ށަރީއަތްކުރަން ހަވާލުކުރެވޭނީ، މަސައްކަތް ހަވާލުކުރެވޭ ކޯޓުގައި އެކަށީގެންވާ މިންވަރަށް މަސައްކަތް ނުހިނގާ ނަމަ، ނުވަތަ އެ ކޯޓުން ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިނަމަ، ނުވަތަ އެ ކޯޓެއްގައި މަސައްކަތްކުރާ ފަނޑިޔާރުން މަސައްކަތަށް ނުކުތުން މަނާކުރެވިފައިވާ ނަމަ، ނުވަތަ މިނޫންވެސް ކޯޓުގެ މަސައްކަތް ލަސްވާފަދަ ނުވަތަ ހުއްޓޭފަދަ ސަބަބުތަކެއް ހުރިނަމައެވެ.

  

49 ވަނަ މާއްދާ - އެހެން ކޯޓެއްގައި ވަގުތީ ގޮތުން ށަރީއަތްކުރަން ހަވާލުކުރުމާމެދު ގޮތެއް ކަނޑައެޅުން

ވަގުތީ ގޮތުން އެހެން ކޯޓެއްގެ ށަރީއަތް ހިންގުން ފަނޑިޔާރަކާ ހަވާލުކުރުމާ ބެހޭ ގޮތުން ގޮތެއް ކަނޑައަޅާނީ، ޖުޑީށަލް ކައުންސިލްގެ ލަފާގެމަތިން، ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

 

50 ވަނަ މާއްދާ - ވަގުތީ ގޮތުން އެހެން ކޯޓެއްގެ ށަރީއަތްކުރަން ހަވާލުވާ ފަނޑިޔާރެއްގެ މުސާރަ

(ހ) ކޯޓެއްގެ ފަނޑިޔާރަކާ އެހެން ކޯޓެއްގައި ވަގުތީ ގޮތުން ށަރީއަތްކުރަން ހަވާލުކުރާ ހާލަތުގައި، މަސައްކަތް ހަވާލުކުރާ ކޯޓުގެ ފަނޑިޔާރަކަށް ލިބޭ މުސާރައަކީ މަސައްކަތާ ހަވާލުވާ ފަނޑިޔާރަށް އަސްލު ލިބޭ މުސާރައަށްވުރެ ބޮޑު މުސާރައެއްކަމުގައިވާނަމަ، ށަރީއަތްކުރަން ހަވާލުވާ ކޯޓެއްގެ ފަނޑިޔާރަކަށް ލިބޭ މުސާރައާ އެއްވަރު މުސާރައެއް އެ ފަނޑިޔާރަކަށް، އެ މުއްދަތަށް، ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ މުސާރައިގެ އިތުރުން އެހެން ކޯޓެއްގައި ށަރީއަތްކުރަން ހަވާލުވާ ފަނޑިޔާރަކަށް ލިބިދޭންޖެހޭ އެހެނިހެން އިނާޔަތްތަކާއި ހިދުމަތްތައް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައެޅިދާނެއެވެ.

 

51 ވަނަ މާއްދާ - ފަނޑިޔާރަކު ކޯޓުން ބޭރުގެ ކަމަކަށް ދޫކުރުން

(ހ) ށަރުއީ ދާއިރާގެ ނުވަތަ ގާނޫނީ ދާއިރާގެ ކަމަކަށް ފިޔަވައި، ކޯޓުން ބޭރު އެއްވެސް ކަމަކަށް، ފަނޑިޔާރަކު ދުލެއް ނުކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަކުރެވޭ ހާލަތެއްގައި، ފަނޑިޔާރަކު ދޫކުރެވޭނީ ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހުއްދައަކާއެކު، އެ ކޮމިށަނުން ކަނޑައަޅާ މުއްދަތަކަށެވެ. އެ މުއްދަތު، އެއްވެސް ހާލަތެއްގައި، 6 (ހައެއް) މަސްދުވަހަށްވުރެ ދިގުވެގެން ނުވާނެއެވެ.

 

52 ވަނަ މާއްދާ - ފަނޑިޔާރަކު ބޭރު ގައުމަކަށް ފޮނުވާފައި ހުރުން

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހުއްދައަކާއެކު، ބޭރު ގައުމެއްގައި ނުވަތަ ބައިނަލްއަގްވާމީ މުއައްސަސާއެއްގައި މަސައްކަތްކުރުމަށް ފަނޑިޔާރަކު ފޮނުވިދާނެއެވެ. މިގޮތަށް ފަނޑިޔާރަކު ފޮނުވާފައި ބެހެއްޓޭނީ މެދުނުކެނޑި ގިނަވެގެން 2 (ދޭއް) އަހަރު ވަންދެނެވެ. މި މުއްދަތު ޖުޑީށަލް ސަރވިސް ކޮމިށަނަށް އިތުރުކޮށްދެވިދާނެއެވެ.

 

53 ވަނަ މާއްދާ - މަސައްކަތް ހަވާލުކުރުމުގެ މިންގަނޑުތައް

(ހ) ކޮންމެ ފަނޑިޔާރަކަށްމެ އަހަރުތެރޭގައި ހަވާލުކުރެވޭނެ މަސައްކަތުގެ ބާވަތާއި، ބުރަދަން އަންދާޒާކުރެވޭ ފަދަ ތާވަލެއް ކޯޓުން ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެންއޮތްނަމަވެސް، ފަނޑިޔާރަކު އަލަށް އައްޔަންކުރުމުގެ ސަބަބުން، ނުވަތަ ފަނޑިޔާރަކު ދިގު މުއްދަތަކަށް ކޯޓަށް ނައުމުގެ ސަބަބުން ނުވަތަ ޗުއްޓީ ނެގުމުގެ ސަބަބުން، ނުވަތަ ފަނޑިޔާރެއްގެ މަގާމު ހުސްވުމުގެ ސަބަބުން ފަނޑިޔާރެއްގެ މަސައްކަތުގެ ތާވަލަށް ބަދަލެއް ގެނެވިދާނެއެވެ.

(ނ) ފަނޑިޔާރަކާ މައްސަލަތައް ހަވާލުކުރަންވާނީ ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ ގާނޫނީ ނުކުތާތަކަށާއި މައްސަލައިގައި ހިމެނޭ ހަސްމުންގެ ޒާތަށް ނުބަލައި ކޯޓުން ކަނޑައަޅާ ވަކި ތަރުތީބަކުންނެވެ. މިގޮތުން މައްސަލަތައް ހަވާލުކުރުމުގައި ގެންގުޅޭނެ މިންގަނޑުތައް ކޯޓުގެ އިދާރީ ހިންގުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ރ) ފަނޑިޔާރަކާ ހަވާލުކުރެވިފައިވާ މަސައްކަތް މާގިނަ ނަމަ، ނުވަތަ ގާނޫނީގޮތުން އޭނާ އެ މައްސަލައެއް ބެލުމަށް ހުރަސްއަޅާފަދަ ކަމެއް އޮތްނަމަ މި މާއްދާގައި މަސައްކަތް ހަވާލުކުރުމަށް ބުނެފައިވާ ތަރުތީބަށް ބަދަލުގެނެވިދާނެއެވެ.

(ބ) ފަނޑިޔާރަކާ ހަވާލުކުރެވިފައިވާ މައްސަލައެއް އަނބުރާ ނެގޭނީ މި ގާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައިނުވާނަމަ، އެ ފަނޑިޔާރަކު ދިގު މުއްދަތަކަށް ކޯޓަށް ނާދެވޭނަމަ، ނުވަތަ ށަރީއަތް ހިންގުމުގެ އިޖުރާއަތެއް ނެގެހެއްޓުމަށްޓަކައެވެ.

 

54 ވަނަ މާއްދާ - މަސައްކަތް ހަވާލުކުރާ ގޮތާމެދު ހިތްހަމަނުޖެހުން

އަހަރީ މަސައްކަތުގެ ތާވަލާއި ބެހޭގޮތުން ނުވަތަ މަސައްކަތުގެ ބާވަތް ބަދަލުވުމުގެ ސަބަބުން ނުވަތަ މައްސަލަތައް ހަވާލުކުރުމުގެ ތަރުތީބު ބަދަލުކުރުމުގެ ސަބަބުން ނުވަތަ ހަވާލުކޮށްފައިވާ މައްސަލައެއް އަނބުރާ ގެންދިޔުމުގެ ސަބަބުން ހިތްހަމަ ނުޖެހޭނަމަ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ފަނޑިޔާރަކަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ށަކުވާ ހުށަހެޅިދާނެއެވެ. މިފަދަ މައްސަލައެއްގައި އެ ކޮމިށަނުން ނިންމާ ނިންމުމަކީ ފަހުގެ ނިންމުމެވެ.

 

55 ވަނަ މާއްދާ - މައްސަލަ ހިނގަމުންދާގޮތް ރިޕޯޓުކުރުން

(ހ) ފަނޑިޔާރަކާ މައްސަލައެއް ހަވާލުކުރާ ދުވަހުންފެށިގެން 6 (ހައެއް) މަސްދުވަހުގެތެރޭގައި އެ މައްސަލައިގައި ގޮތެއް ކަނޑައެޅިފައި ނުވާނަމަ، އެކަން ސަބަބާއެކު ކޯޓުގެ އިސް ފަނޑިޔާރަށް އަންގަންވާނެއެވެ. އަދި މައްސަލަ ކުރިއަށްދާ މިންވަރާ ބެހޭގޮތުން މަދުވެގެން މަހަކު އެއްފަހަރު އިސް ފަނޑިޔާރަށް މައުލޫމާތު ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅޭ މިންވަރާބެހޭ މައުލޫމާތު، ކަނޑައެޅޭ ވަކި އުސޫލެއްގެމަތިން، ޖުޑީށަލް ކައުންސިލަށް ކޯޓުގެ އިސް ފަނޑިޔާރުން ދޭންވާނެއެވެ.

 

56 ވަނަ މާއްދާ - ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުން

(ހ) ފަނޑިޔާރުންގެ މަގާމުގެ ކުރިއެރުން ދިނުމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން މަދުވެގެން ކޮންމެ ދެއަހަރުން އެއްއަހަރު ފަނޑިޔާރުންގެ ފެންވަރު ވަޒަންކުރަންވާނެއެވެ. މިގޮތުން ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާނީ އަންނަނިވިގޮތަށް ދަރަޖަ ދީގެންނެވެ.

  1. ވަރަށް ގާބިލު؛
  2. ގާބިލުކަން މެދުމިނަށްވުރެ މަތި؛
  3. ގާބިލުކަން މެދުމިން؛
  4. ގާބިލުކަން މެދުމިނަށް ވުރެ ދަށް.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ފަނޑިޔާރުގެ ފެންވަރު ވަޒަންކުރުމުން ލިބޭ ނަތީޖާ ފަނޑިޔާރުގެ މައުލޫމާތު ފައިލުގައި ހިމަނަންވާނެއެވެ. އަދި ފަނޑިޔާރުގެ މަސައްކަތުގެ ފެންވަރުގެ ރިޕޯޓުގެ ކޮޕީއެއް އެ ފަނޑިޔާރަކަށް ދޭންވާނެއެވެ.

(ނ) ފަނޑިޔާރުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުން ފަނޑިޔާރަކަށް ޖެހިޖެހިގެން ދެފަހަރު މެދުމިނަށްވުރެ ދަށްކަމަށް ނަތީޖާ ލިބިއްޖެނަމަ، ފަނޑިޔާރުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތްކުރި ކޮމިޓީން ދޭ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެ ފަނޑިޔާރަކު ވަޒީފާއިން މުސްކުޅިކުރުމަށް ނުވަތަ ފަނޑިޔާރުކަމުގެ ވަޒީފާ ފިޔަވައި، ށަރުއީ ދާއިރާގެ އެހެން ވަޒީފާއަކަށް ބަދަލުކުރުމަށްޓަކައި ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމިދާނެއެވެ.

 

57 ވަނަ މާއްދާ - ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ކަނޑައަޅާ ރިޕޯޓާބެހޭ ގޮތުން ށަކުވާ ހުށަހެޅުން

(ހ) މި ގާނޫނުގެ 56 ވަނަ މާއްދާގައި ބުނެފައިވާ ފަނޑިޔާރެއްގެ މަސައްކަތުގެ ފެންވަރު ކަނޑައަޅާ ރިޕޯޓާމެދު ށަކުވާއެއް އޮވެއްޖެނަމަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި ޖުޑީށަލް ސަރވިސް ކޮމިށަނުގައި ފަނޑިޔާރަށް އެ ށަކުވާ ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފަނޑިޔާރަކު ހުށަހަޅާފައިވާ ށަކުވާގެ މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާއި ފަނޑިޔާރުގެ ވާހަކަތައް އަޑުއަހައި މައްސަލައިގައި ގޮތެއް ނިންމާނީ ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ. މިގޮތުން ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމާ ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ކަނޑައެޅުމުގައި އެންމެފަހުގެ ނިންމުމެވެ.

 

58 ވަނަ މާއްދާ - ފަނޑިޔާރުންނަށް މަގާމުގެ ކުރިއެރުން ދިނުން

(ހ) ފަނޑިޔާރުންނަށް މަގާމުގެ ކުރިއެރުން ދޭންވާނީ މަގާމުގައި އެންމެ ދުވަސްވުމަކީ އަސާސެއްކަމުގައި ބަލައި، އެ މަގާމުގައި މަސައްކަތް އަދާކޮށްފައިވާ ފެންވަރާއި ހުނަރާއި، ގާބިލުކަމުގެ މައްޗަށް ބިނާކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ މުއްދަތު ގުނަންވާނީ ފަނޑިޔާރުކަމުގެ މަގާމަށް އިސްކުރެވުނު ތާރީހުން ފެށިގެންނެވެ.

(ނ) މި މާއްދާގައި ބުނެފައިވާ މަގާމުގެ ކުރިއެރުން ދިނުމުގެތެރޭގައި ކޯޓެއްގެ އިސް ފަނޑިޔާރުކަމަށް ނުވަތަ އިސް ގާޒީކަމަށް އައްޔަންކުރުމާއި، އެއް ކޯޓުން އަނެއް ކޯޓަށް މަގާމުގެ ކުރިއެރުން ދިނުމާއެކު ބަދަލުކުރުމާއި، ގްރޭޑް މަތިކުރުން ހިމެނެއެވެ.

(ރ) ފަނޑިޔާރަކަށް މަގާމުގެ ކުރިއެރުން ދެވޭނީ އެ މަގާމުގައި މަސައްކަތް އަދާކުރި ފެންވަރާއި ގާބިލުކަން ވަޒަންކުރި އެންމެފަހު ބުރުގެ ނަތީޖާ މި ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ދަށްވެގެން "ގާބިލުކަން މެދުމިނަށްވުރެ މަތި" ލިބިފައިވާނަމައެވެ.

(ބ) ފަނޑިޔާރުންނަށް މަގާމުގެ ކުރިއެރުން ދިނުމުގައި، މި މާއްދާގެ (ރ) ގައި ބުނެފައިވާ އުސޫލަށް އަމަލުކުރަން ފަށާނީ މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރު ފަހުންނެވެ.

 

59 ވަނަ މާއްދާ - ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކުރުމަށްޓަކައި ހަދަންޖެހޭ އުސޫލުތައް ހެދުން

59.މި ގާނޫނުގެ 56 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކުރުމަށްޓަކައި ހަދަންޖެހޭ ފަންނީ މިންގަނޑުތަކާއި އުސޫލުތައް ޖުޑީށަލް ސަރވިސް ކޮމިށަނުން ހަދާ ގަވާއިދަކުން ކަނޑައަޅަންވާނެއެވެ.

 

60 ވަނަ މާއްދާ - މަގާމުގެ ކުރިއެރުން ދިނުމަށް ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހުން

(ހ) ފަނޑިޔާރަކަށް މަގާމުގެ ކުރިއެރުން ދިނުމަށް ނުވަތަ ނުދިނުމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމި ނިންމުމަކާމެދު ފަނޑިޔާރަކު ހިތްހަމަނުޖެހޭނަމަ، ށަކުވާ ހުށަހެޅުމުގެ ހައްގު އެ ފަނޑިޔާރަކަށް ލިބިގެންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާފަދަ ށަކުވާއެއް ހުށަހެޅިއްޖެނަމަ، އެ ށަކުވާގެ މައްސަލަ ބަލައި ނިންމުމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން މުސްތަގިއްލު ކޮމިޓީއެއް އުފެއްދިދާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާފަދަ ށަކުވާތަކުގެ މައްސަލަތައް ބަލާނެ އުސޫލުތަކާބެހޭ ގަވާއިދެއް ޖުޑީށަލް ސަރވިސް ކޮމިށަނުން އެކުލަވާލަންވާނެއެވެ.

 

61 ވަނަ މާއްދާ - އަހަރީ ޗުއްޓީ

ކޮންމެ ފަނޑިޔާރަކުވެސް މަގާމާ ހަވާލުވުމަށްފަހު އަހަރުވުމުން، ކޮންމެ އަހަރަކު، މުސާރަ ލިބޭގޮތަށް މަދުވެގެން 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، އަހަރީ ޗުއްޓީގެ ގޮތުގައި ދޭންވާނެއެވެ.

 

62 ވަނަ މާއްދާ - އެހެނިހެން ޗުއްޓީއާއި ސަލާމް

އަހަރީ ޗުއްޓީގެ ގޮތުގައި ފަނޑިޔާރަކަށް އަހަރަކު ހައްގުވާ 30 (ތިރީސް) ދުވަހުގެ ޗުއްޓީގެ އިތުރުން، ދެވޭ އެހެނިހެން ޗުއްޓީ ދިނުމާއި، ސަލާމްބުނުމުގައި އަމަލުކުރާނީ ގާނޫނު ނަންބަރު 2/200 (ވަޒީފާއާބެހޭ ގާނޫނު) އާ އެއްގޮތަށެވެ.

 

63 ވަނަ މާއްދާ - ސިއްހީ ސަބަބަކަށްޓަކައި ދެވޭ ދިގު މުއްދަތުގެ ޗުއްޓީ

(ހ) ޑޮކްޓަރެއްގެ ސެޓުފިކެޓަކާއެކު، ސިއްހީ ސަބަބަކަށްޓަކައި ދެވޭ ދިގު މުއްދަތުގެ ޗުއްޓީއަކަށް ފަނޑިޔާރަކު އެދިއްޖެނަމަ، މުސާރައާއި އިނާޔަތްތަކުގެ ދެބައިކުޅައެއްބައި ދޭގޮތަށް 1 (އެކެއް) އަހަރުދުވަހަށްވުރެ ދިގުނޫން މުއްދަތެއްގެ ޗުއްޓީއެއް ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު އިތުރުކުރަން އެދިއްޖެނަމަ، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް މި ޗުއްޓީއަށް 1 (އެކެއް) އަހަރު އިތުރުކުރެވިދާނެއެވެ.

(ނ) މި މާއްދާގައި ބުނެފައިވާ ޗުއްޓީތަކަށްފަހުވެސް މަސައްކަތަށް ނުކުތުމަށް އުޒުރުވެރިވެއްޖެނަމަ ނުވަތަ ވަޒީފާގައި ހުރުމަށް ސިއްހީ ސަބަބަކާހުރެ ނުކުޅެދިއްޖެކަން ކަމާބެހޭ ހާއްސަ ސިއްހީ ފަރާތެއްގެ ނިންމުމަކުން ސާބިތުވެއްޖެނަމަ، ވަޒީފާއިން މުސްކުޅިކުރެވިދާނެއެވެ.

 

64 ވަނަ މާއްދާ - ޗުއްޓީ ދޭ ފަރާތް

(ހ) އެއް ފަނޑިޔާރަކަށްވުރެ ގިނަ ފަނޑިޔާރުން ތިބޭ ކޯޓެއްގައިނަމަ، އެ ކޯޓުގެ ފަނޑިޔާރުންގެ ޗުއްޓީގެ ކަންތައްތައް ހަމަޖައްސާނީ އެ ކޯޓުގެ އިސް ފަނޑިޔާރެވެ. އަދި ކޯޓެއްގެ އިސް ފަނޑިޔާރުގެ ޗުއްޓީގެ ކަންތައްތައް ހަމަޖައްސާނީ އުއްތަމަ ފަނޑިޔާރެވެ. އެއް ފަނޑިޔާރަކު ހުންނަ ކޯޓެއްނަމަ، އެ ފަނޑިޔާރުގެ ޗުއްޓީގެ ކަންތައްތައް ހަމަޖައްސާނީ އެ ދާއިރާގެ އިސް ފަނޑިޔާރު ނުވަތަ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރާ ފަނޑިޔާރެވެ.

(ށ) މި މާއްދާގެ (ހ) ގައި މިހެން އޮތްނަމަވެސް، މި ގާނޫނުގެ 63 ވަނަ މާއްދާގައި ބުނެފައިވާ ސިއްހީ ސަބަބަކަށްޓަކައި ދޭ ދިގު މުއްދަތުގެ ޗުއްޓީއާ ބެހޭގޮތުން ގޮތެއް ކަނޑައަޅާނީ، ޖުޑީށަލް ކައުންސިލްގެ ލަފާގެމަތިން އެ ކޯޓެއްގެ އިސް ފަނޑިޔާރެވެ.

 

65 ވަނަ މާއްދާ - އާމްދަނީއާއި މުދަލާއި ފައިސާ ހާމަކުރުން

ކޮންމެ ފަނޑިޔާރަކުމެ، ކޮންމެ އަހަރަކު އެއްފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ފޯމެޓަކަށް ތައްޔާރުކުރާ ބަޔާނެއް ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

 

66 ވަނަ މާއްދާ - ފަނޑިޔާރުންގެ އެހީތެރިން

(ހ) ބޭނުންވެއްޖެ ހިނދެއްގައި، ކޮންމެ ދަށު ކޯޓަކަށް ފަނޑިޔާރުންގެ އެހީތެރިން، މި ގާނޫނުގައިވާ ފަދައިން، އައްޔަންކުރެވިދާނެއެވެ. މިގޮތުން އައްޔަންކުރެވޭ އެހީތެރިންނަށް ބޭނުންވާ ތަމްރީނުތައް ދީ، ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، މަސައްކަތްތައް ހަވާލުކުރާނީ އެ ކޯޓެއްގެ ފަނޑިޔާރުންނެވެ.

(ށ) ފަނޑިޔާރުންގެ އެހީތެރިންނަކީ އުމުރުން 21 އަހަރު ފުރިފައިވުމާއެކު ފަނޑިޔާރުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ށަރުތުތަކުގެ ތެރެއިން އުމުރުން 25 އަހަރުވުން ފިޔަވައި އެހެނިހެން ށަރުތުތައް ފުރިހަމަވެފައިވާ މީހަކަށްވާންވާނެއެވެ.

(ނ) ފަނޑިޔާރުގެ އެހީތެރިޔާކަމުގެ މަގާމަށް މީހުން އައްޔަންކުރާނީ ކޯޓުގެ ހުށަހެޅުމަކަށް ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

(ރ) ފަނޑިޔާރުގެ އެހީތެރިޔާކަމުގެ މަގާމުގެ ފުރަތަމަ އަހަރަކީ އަޖުމަބެލުމުގެ މުއްދަތެއްކަމުގައި ބެލެވޭނެއެވެ. އަދި އިތުރު 1 (އެކެއް) އަހަރަށް މި މުއްދަތު އިތުރުކުރެވިދާނެއެވެ.

(ބ) ފަނޑިޔާރުންގެ އެހީތެރިޔަކަށް އައްޔަންކުރެވޭ މީހަކު ކޯޓުގެ ފަނޑިޔާރަކު އަންގާ ގޮތެއްގެމަތިން، އަންނަނިވި މަސްއޫލިއްޔަތުތައް، އަދާކުރަންވާނެއެވެ.

  1. ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާއި މައްސަލަތައް ހިންގުމުގައި ފަނޑިޔާރުންނަށް އެހީތެރިވުމާއި؛
  2. ތަންފީޒުކުރުން އެދި ހުށަހަޅާ ހުށަހެޅުންތައް، މައްސަލަ ބަލާ ފަނޑިޔާރަކަށް ހުށަހެޅުމުގެ ކުރިން ކުރަންޖެހޭ ތައްޔާރީތައް ކުރުމާއި؛
  3. ހުކުމް ތަންފީޒުކުރުމަށް ބޭނުންވާ ލިޔުންތަކާއި ތަކެތި ހަމަތޯބެލުމާއި؛
  4. މައްސަލައިގައި ހިމެނޭ މީހުން ކަށަވަރުކޮށް ދެނެގަތުމާއި؛
  5. މިނޫނަސް އިސް ފަނޑިޔާރަކު ކޯޓުގެ މަސައްކަތާ ގުޅިގެން ހަވާލުކުރާ އެންމެހައި ކަންތައްތައް ކުރުން.
  6. (ޅ) ފަނޑިޔާރުގެ އެހީތެރިންގެ މެދުގައި މަސައްކަތް ބަހާލެވޭގޮތް ކަނޑައަޅާނީ ކޯޓުގެ އިސް ފަނޑިޔާރެވެ.

(ކ) ފަނޑިޔާރުންގެ އެހީތެރިޔާ މަގާމުން ވަކިކުރާނީ ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

(އ) ފަނޑިޔާރުގެ އެހީތެރިޔާގައި ފަނޑިޔާރެއްގެ މަގާމުގެ ށަރުތު ފުރިހަމަ ވެފައިވާނަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރުމުގައި އޭނާއަށް އިސްކަންދޭންވާނެއެވެ.

 

67 ވަނަ މާއްދާ - މި ގާނޫނުގެ ދަށުން ގަވާއިދުތައް ހެދުމުގެ ބާރު

(ހ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންތައްތަކުގައި ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާބެހޭ ގަވާއިދުތައް ހަދާނީ ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

(ށ) ޖުޑީށަލް ކައުންސިލާބެހޭ ގަވާއިދުތައް ހަދާނީ ޖުޑީށަލް ކައުންސިލުންނެވެ.

 

68 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފަށާ ތާރީހު

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރުމުންނެވެ.

 

69 ވަނަ މާއްދާ - މާނަ

މި ގާނޫނުގައި އިބާރާތް ހިމެނިފައިވާގޮތުން އެހެންގޮތަކަށް ދޭހަނުވާހާ ހިނދަކު، އަންނަނިވި ލަފުޒުތައް މާނަކުރަންވާނީ ތިރީގައިވާ ގޮތުގެމަތިންނެވެ.

(ހ) "މުސްކުޅިކުރުން" ކަމަށް ބުނެފައި އެވަނީ، އުމުރުން 70 އަހަރުވުމުން ކަނޑައަޅާ އިނާޔަތަކާ އެކު ވަޒީފާއިން ވަކިކުރާ ވަކިކުރުމަށާއި، އަމިއްލައަށް އެދިގެން ކަނޑައަޅާ އިނާޔަތަކާއެކު ވަޒީފާއިން ވަކިވާ ވަކިވުމަށާއި، ސިއްހީ ސަބަބަކަށްޓަކައި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވެން ނެތިގެން ކަނޑައަޅާ އިނާޔަތަކާއެކު، ވަޒީފާއިން ވަކިކުރާ ވަކިކުރުމަށެވެ.

(ށ) "މުސާރަ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ފަނޑިޔާރުންގެ މުސާރައަށެވެ.

(ނ) "އިނާޔަތް" ކަމަށް ބުނެފައި އެވަނީ، ފަނޑިޔާރަކަށް މުސާރައިގެ އިތުރުން ދައުލަތުން ލިބޭ ފައިސާގެ އެހެނިހެން އިނާޔަތްތަކާއި، މަގާމުގެ ހައިސިއްޔަތުން ލިބޭ އެހެނިހެން ހިދުމަތްތަކަށެވެ.

(ރ) "ޖުޑީށަލް ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ކަމާބެހޭ ގާނޫނެއްގެ ދަށުން އުފައްދައި، އެ ކައުންސިލްގެ އިހްތިސާސް އެ ގާނޫނުގައި ބަޔާންކޮށްދީފައިވާ ކައުންސިލަށެވެ.

(ބ) "ގާނޫނުއަސާސީ" ކަމަށް ބުނެފައި އެވަނީ، 7 އޯގަސްޓް 2008 ގައި އަމަލުކުރަން ފަށާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށެވެ.

(ޅ) "ސުޕްރީމް ކޯޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ ނަމުގައި އުފައްދާ ކޯޓަށެވެ.

(ކ) "ހައިކޯޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ ދަށުން ހައިކޯޓުގެ ނަމުގައި އުފައްދާ ކޯޓަށެވެ.

(އ) "ދަށު ކޯޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގެ 141 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެކި ނަންނަމުގައި، އެކި އިހްތިސާސް ލިބިގެންވާގޮތުގައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން އުފައްދާ ކޯޓުތަކަށެވެ.

(ވ) "ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ ދަށުން އުފެދިފައިވާ ޖުޑީށަލް ސަރވިސް ކޮމިށަނަށެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

6 ވަނަ އިސްލާހު

7 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު (ގަވާއިދު ނަންބަރު 2022-241)
  2. އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް، ސިއްހީ ސަބަބުތަކަށް ޓަކައި އަމިއްލައަށް އެދިގެން މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-57)
  3. އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް، ސިއްހީ ސަބަބުތަކަށް ޓަކައި އަމިއްލައަށް އެދިގެން މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-57)
  4. ފަނޑިޔާރުންގެ މާލީ ބަޔާނާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-124)
  5. ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-84)
  6. ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1069)
  7. މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1030)
  8. ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1009)
  9. ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލިއްޔަތު ވަޒަންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-15)
  10. ށަރުއީދާއިރާތަކުގެ މުވައްޒަފުންގެ ގަވާއިދު 2011 (ގަވާއިދު ނަންބަރު 2011-18)
  11. އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަށްޓަކައި މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2013-51)

ރިފަރެންސް

10 އޯގަސްޓް 2010 ވި އަންގާރަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުޅަ "ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ބިލު" ބަލައި، ތަޞްދީޤުކޮށްފައިވަނީ 10 އޯގަސްޓް 2010 (ޝަޢްބާން 1431) ގައެވެ.

ކިޔުންތެރިންގެ ހިޔާލު