ފަނޑިޔާރުންނާ ހަވާލުކުރެވޭ މައްސަލަތަކުން ތަނާޒުލުވުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-35)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 11 މޭ 2026 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާއި، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަންގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރާއި، އެ ގާނޫނުގެ 40 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖ ގެ ފަނޑިޔާރުންގެ ގާނޫނު) ގެ 3-40 ވަނަ މާއްދާގެ (ނ) އާއި، ހަމަ މި ގާނޫނުގެ 70 ވަނަ މާއްދާގެ (ހ) އިން ލިބިދ ބާރުގެ ދަށުން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތާއި އަމިއްލަ މަސްލަހަތާ ތައާރުޒުވުމުގެ ސަބަބުން ފަނޑިޔާރަކާ ހަވާލުކުރެވިފައިވާ މައްސަލައަކުން ތަނާޒުލުވާންޖެހޭ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ކަނޑައެޅުމަށް އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ފަނޑިޔާރުންނާ ހަވާލުކުރެވޭ މައްސަލަތަކުން ތަނާޒުލުވުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ފަނޑިޔާރަކާ ހަވާލުކުރެވިފައިވާ މައްސަލައަކުން ތަނާޒުލުވާންޖެހޭ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމެވެ.
3 ވަނަ މާއްދާ - މައްސަލައިން ތަނާޒުލުވުން
(ހ) ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖ ގެ ފަނޑިޔާރުންގެ ގާނޫނު) ގެ 3-40 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގައި ވާ ފަދައިން، ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ބެލުމުގެ ނުވަތަ މައްސަލައެއްގައި ފައިސަލާކުރުމުގެ އަހުލިއްޔަތު ފަނޑިޔާރުގެ ކިބައިން ގެއްލިގެން ހިނގައިދާނެ އެންމެހައި ކަމަކުން ނުވަތަ އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައެއްގައި ފައިސަލާކުރުމުން ތަނާޒުލުވާން ޖެހިދާނެ އެންމެހައި ކަމަކުން ދުރުވާންވާނެއެވެ.
(ށ) ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖ ގެ ފަނޑިޔާރުންގެ ގާނޫނު) ގެ 3-40 ވަނަ މާއްދާގެ (ށ) ގެ 5 ވަނަ ނަންބަރުގައި ވާ ފަދައިން، ވަކިފަރާތަކަށް ނުޖެހި މުސްތަގިއްލުކަމާއެކު މައްސަލައެއް ބަލައި ފައިސަލާ ކުރެވިދާނެކަމަށް ފަނޑިޔާރަށް އަމިއްލައަށް ގަބޫލުނުކުރެވޭ ނަމަ ނުވަތަ ވަކިފަރާތަކަށް ނުޖެހި މުސްތަގިއްލުކަމާއެކު ފަނޑިޔާރަކަށް މައްސަލައެއް ބަލައި ފައިސަލާ ކުރެވިދާނެކަމަށް ސަބަބުވެރި މީހަކަށް ގަބޫލުނުކުރެވޭ ނަމަ، އެފަދަ އެންމެހައި މައްސަލަތަކުން ފަނޑިޔާރު ތަނާޒުލު ވާންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބޭނުންނަށް ޓަކައި، އަންނަނިވި މީހުން ހިމެނޭ މައްސަލަތަކުން ފަނޑިޔާރު ތަނާޒުލުވާން ވާނެއެވެ.
- އަނބިމީހާ ނުވަތަ ފިރިމީހާ؛
- މައިންބަފައިން (ދޮންމަންމައާއި ދޮންބައްޕަ ވެސް ހިމެނޭ ގޮތުން)؛
- ދަރީންނާއި، ދޮންދަރީންނާއި، އެ މީހުންގެ ދަރީން؛
- ކާފައާއި މާމައިން (ދޮން ކާފައިންނާއި ދޮން މާމައިން ވެސް ހިމެނޭ ގޮތުން)؛
- އެއްބަނޑުއެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ އަހުންނާއި، އުހުތުންނާއި، އެ މީހުންގެ ދަރީން؛
- ބޮޑުބޭބެއިންނާއި ބޮޑުދައިތައިން؛
- ދެބެންގެ ދެދަރި މީހުން؛
- ޅީދަރިންނާއި ދަނބިދަރިން؛
- ބަފާބެއާއި މައިދައިތަ؛
- ޅިޔަން ފަހަރިން؛
- ފޮސްޓަރ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ނުވަތަ ގާނޫނީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ބަލާ ކުދިން؛
- ށަރުއީގޮތުން ބަލަދުއެރުމުގެ ހާލަތެއް އުފަންވެފައިވާ މީހުން؛
- އާއިލީ ގުޅުމެއް ނެތް ނަމަވެސް، ދިރިއުޅުމުގެ ހާލަތު ނިޔާކުރާގޮތުން އެއްގޭބިސީއެއްގައި އެކުގައި ދިރިއުޅެމުންދާ މީހުން.
(ރ) މައްސަލައެއް ބެލުމުގެ ނުވަތަ މައްސަލައެއްގައި ފައިސަލާކުރުމުގެ އަހުލިއްޔަތު ފަނޑިޔާރުގެ ކިބައިން ގެއްލިގެން ހިނގައިދާނެކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ ނަމަ، ފަނޑިޔާރާ ސީދާގޮތުން ނުވަތަ ނުސީދާގޮތުން އަމިއްލަ ނުވަތަ ށަހުސީ މަސްލަހަތެއް އޮތް ނުވަތަ މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކާއެކު އޮތް ގުޅުމެއްގެ ސަބަބުން ތިރީގައިވާ މައްސަލަތަކުން ދުރުވާންވާނެއެވެ.
- ހުށަހެޅިފައިވާ މައްސަލައަކީ، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެ މައްސަލައިގެ ތަހުގީގުގައި ނުވަތަ ށަރީއަތުގެ މަޖިލީހުގައި ނުވަތަ ށަރީއަތުގެ މަޖިލީހުން ބޭރުގައި އެ ފަނޑިޔާރަކު ވަކާލާތުކޮށްދީފައިވާ މައްސަލައެއް ނުވަތަ އެއްވެސް ހައިސިއްޔަތަކުން ގާނޫނީ ލަފާދީފައިވާ މައްސަލައެއް ނުވަތަ ހެއްކެއްގެ ގޮތުގައި ހާޒިރުވެފައިވާ މައްސަލައެއް ނުވަތަ މި މާއްދާގެ (ނ) ގެ ދަށުން ބަޔާންކުރާ މީހަކު ގާނޫނީ ވަކީލެއްގެ ގޮތުގައި ހާޒިރުވާ މައްސަލައަކަށްވުން؛
- ހުށަހެޅިފައިވާ މައްސަލައަކީ އެ މައްސަލަ ބަލާ ފަނޑިޔާރަށް ނުވަތަ އެ ފަނޑިޔާރުގެ އާއިލާގެ މެންބަރަކަށް އެ މައްސަލައަކުން ސީދާ މަންފާއެއް ނުވަތަ ގެއްލުމެއް އޮތް މައްސަލައަކަށް ވުން؛
- ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ހަސްމުންގެ ތެރެއިން ހަސްމަކާ ފަނޑިޔާރާ ދެމެދު މާލީ މުއާމަލާތެއްކޮށް، އެ މުއާމަލާތު ނިމިފައިނުވުން.
4 ވަނަ މާއްދާ - ތަނާޒުލުވުމަށް އެދި ހުށަހެޅުން
(ހ) ފަނޑިޔާރަކު މައްސަލައަކުން ތަނާޒުލުވާންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމަށް އެދި ހުށަހަޅާނީ ތިރީގައިވާ ފަރާތްތަކަށެވެ. މިފަދައިން އެދި ހުށަހަޅަންވާނީ ލިޔުމުންނެވެ.
- ސުޕްރީމް ކޯޓުގައި ނަމަ، އުއްތަމަ ފަނޑިޔާރަށް ނުވަތަ ސުޕްރީމް ކޯޓު އެވަގުތަކު ހިންގުމާ ހަވާލުވެހުރި ފަނޑިޔާރަކަށެވެ.
- ހައިކޯޓުގައި ނަމަ، ހައިކޯޓުގެ އިސް ފަނޑިޔާރަށް ނުވަތަ އެ މަސްއޫލިއްޔަތާ އެ ވަގުތަކު ހަވާލުވެހުރި ފަނޑިޔާރަކަށެވެ.
- ސުޕީރިއަރ ކޯޓުތަކުގައި ނަމަ، އެ ކޯޓެއްގެ އިސް ގާޒީއަށް ނުވަތަ އެ މަސްއޫލިއްޔަތާ އެ ވަގުތަކު ހަވާލުވެހުރި ގާޒީއަށެވެ.
- މެޖިސްޓްރޭޓް ކޯޓުތަކުގައި ނަމަ، އެ މެޖިސްޓްރޭޓަކު ނިސްބަތްވާ ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓަށް ނުވަތަ އެ މަސްއޫލިއްޔަތާ އެ ވަގުތަކު ހަވާލުވެހުރި މެޖިސްޓްރޭޓަށެވެ.
- އުއްތަމަ ފަނޑިޔާރު ނުވަތަ ހައިކޯޓުގެ އިސްފަނޑިޔާރު ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަނޑިޔާރަކު ނަމަ، ޖުޑީށަލް ސަރވިސް ކޮމިށަނަށެވެ.
- ސުޕީރިއަރ ކޯޓެއްގެ އިސްގާޒީއަކު ނުވަތަ އިސްގާޒީގެ މަސްއޫލިއްޔަތާ ހަވާލުވެހުރި ގާޒީއަކު ނަމަ، ޖުޑީށަލް ސަރވިސް ކޮމިށަނަށެވެ.
- ޖުޑީށަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެހުރި މެޖިސްޓްރޭޓަކު ނަމަ، ޖުޑީށަލް ސަރވިސް ކޮމިށަނަށެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ތަނާޒުލުވާން އެދޭ ހާލަތުގައި އެކަމަށް އެދި ހުށަހަޅައި، އެ މައްސަލައަކުން ފަނޑިޔާރު ތަނާޒުލުވާންވާނީ، އެކަމުގެ ހުއްދަ ލިޔުމުން ލިބުމުންނެވެ.
5 ވަނަ މާއްދާ - ތަނާޒުލުވާ މައްސަލަ އެހެން ފަނޑިޔާރަކާ ހަވާލުކުރުން
މައްސަލައަކުން ފަނޑިޔާރަކު ތަނާޒުލުވެގެން އެހެން ފަނޑިޔާރަކާ އެ މައްސަލަ ހަވާލުކުރާނީ، ތިރީގައިވާ ފަރާތްތަކުންނެވެ.
(ހ) ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މައްސަލައަކުން ތަނާޒުލުވާ ހާލަތުގައި އެ މައްސަލަ އެ ކޯޓުގެ އެހެން ފަނޑިޔާރަކާ ހަވާލުކުރާނީ އުއްތަމަ ފަނޑިޔާރު ނުވަތަ ސުޕްރީމް ކޯޓު އެވަގުތަކު ހިންގުމާ ހަވާލުވެހުރި ފަނޑިޔާރެކެވެ.
(ށ) ހައިކޯޓުގެ ފަނޑިޔާރަކު މައްސަލައަކުން ތަނާޒުލުވާ ހާލަތުގައި އެ މައްސަލަ އެ ކޯޓުގެ އެހެން ފަނޑިޔާރަކާ ހަވާލުކުރާނީ ހައިކޯޓުގެ އިސް ފަނޑިޔާރު ނުވަތަ އެ މަސްއޫލިއްޔަތާ އެ ވަގުތަކު ހަވާލުވެ ހުރި ފަނޑިޔާރެކެވެ.
(ނ) ސުޕީރިއަރ ކޯޓެއްގެ ގާޒީއަކު މައްސަލައަކުން ތަނާޒުލުވާ ހާލަތުގައި އެ މައްސަލަ އެ ކޯޓުގެ އެހެން ގާޒީއަކާ ހަވާލުކުރާނީ، އެ ކޯޓެއްގެ އިސްގާޒީ ނުވަތަ އިސްގާޒީގެ މަސްއޫލިއްޔަތާ އެވަގުތަކު ހަވާލުވެހުރި ގާޒީއެކެވެ.
(ރ) މެޖިސްޓްރޭޓަކު މައްސަލައަކުން ތަނާޒުލުވާ ހާލަތުގައި އެ މައްސަލަ އެ ކޯޓުގެ ނުވަތަ އެ ޖުޑީށަލް ދާއިރާގެ އެހެން މެޖިސްޓްރޭޓަކާ ހަވާލުކުރާނީ، އެ ޖުޑީށަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ނުވަތަ އެ މަސްއޫލިއްޔަތާ އެ ވަގުތަކު ހަވާލުވެހުރި މެޖިސްޓްރޭޓެކެވެ.
(ބ) އުއްތަމަ ފަނޑިޔާރާއި ހައިކޯޓުގެ އިސްފަނޑިޔާރު ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަނޑިޔާރަކު، މައްސަލައަކުން ތަނާޒުލުވާ ހާލަތުގައި، ކޮމިށަނުން އެ ފަނޑިޔާރު ތަނާޒުލުކޮށްދިނުމުން، އެ މައްސަލަ އެ ކޯޓުގެ އެހެން ފަނޑިޔާރަކާ ހަވާލުކުރާނީ އުއްތަމަ ފަނޑިޔާރާއި ހައިކޯޓުގެ އިސްފަނޑިޔާރު ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަނޑިޔާރެކެވެ.
(ޅ) ސުޕީރިއަރ ކޯޓެއްގެ އިސްގާޒީއަކު ނުވަތަ އިސްގާޒީގެ މަސްއޫލިއްޔަތާ ހަވާލުވެހުރި ގާޒީއަކު، މައްސަލައަކުން ތަނާޒުލުވާ ހާލަތުގައި، ކޮމިށަނުން އެ ގާޒީއަކު ތަނާޒުލުކޮށްދިނުމުން، އެ މައްސަލަ އެ ކޯޓުގެ އެހެން ގާޒީއަކާ ހަވާލުކުރާނީ، އެ ކޯޓެއްގެ އިސް ގާޒީ ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެހުރި ގާޒީއެކެވެ.
(ކ) ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކު ނުވަތަ އެ މަސްއޫލިއްޔަތާއި ހަވާލުވެހުރި މެޖިސްޓްރޭޓަކު މައްސަލައަކުން ތަނާޒުލުވާ ހާލަތުގައި، ކޮމިށަނުން އެ މެޖިސްޓްރޭޓަކު ތަނާޒުލުކޮށްދިނުމުން، އެ މައްސަލަ އެ ޖުޑީށަލް ދާއިރާގެ އެހެން މެޖިސްޓްރޭޓަކާ ހަވާލުކުރާނީ، އެ ދާއިރާގެ އިސް މެޖިސްޓްރޭޓު ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެހުރި މެޖިސްޓްރޭޓެކެވެ.
6 ވަަނަ މާއްދާ - މައްސަލަ ހަވާލުކުރާނެ ގޮތް
މައްސަލައަކުން ފަނޑިޔާރަކު ތަނާޒުލުވުމުން އެ މައްސަލަ ބަލާނެ އެހެން ފަނޑިޔާރަކު ކަނޑައެޅުމުގައި، އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.
(ހ) ސުޕްރީމް ކޯޓުގައި ނަމަ، ތަނާޒުލުވި މައްސަލަ ހަވާލުކުރުމުގައި އަމަލުކުރާނީ، އެ ކޯޓުގެ ފަނޑިޔާރުންނާ މައްސަލަތައް ހަވާލުކުރުމުގައި އެ ކޯޓެއްގައި ގެންގުޅ އުސޫލާ އެއްގޮތަށް ހުރިހާ ފަނޑިޔާރުންގެ މެދުގައި ހަމަހަމަ އުސޫލުން ބެހެމުންދާ
ގޮތަށެވެ.
(ށ) ހައިކޯޓުގައި ނަމަ، ތަނާޒުލުވި މައްސަލަ ހަވާލުކުރުމުގައި އަމަލުކުރާނީ، އެ ކޯޓުގެ ފަނޑިޔާރުންނާ މައްސަލަތައް ހަވާލުކުރުމުގައި އެ ކޯޓެއްގައި ގެންގުޅ އުސޫލާ އެއްގޮތަށް ހުރިހާ ފަނޑިޔާރުންގެ މެދުގައި ހަމަހަމަ އުސޫލުން ބެހެމުންދާ ގޮތަށެވެ.
(ނ) ސުޕީރިއަރ ކޯޓުތަކުގައި ނަމަ، ތަނާޒުލުވި މައްސަލަ ހަވާލުކުރުމުގައި އަމަލުކުރާނީ، އެ ކޯޓުގެ ގާޒީންނާ މައްސަލަތައް ހަވާލުކުރުމުގައި އެ ކޯޓެއްގައި ގެންގުޅ އުސޫލާ އެއްގޮތަށް ހުރިހާ ގާޒީންގެ މެދުގައި ހަމަހަމަ އުސޫލުން ބެހެމުންދާ ގޮތަށެވެ.
(ރ) މެޖިސްޓްރޭޓް ކޯޓުތަކުގައި ނަމަ، ތަނާޒުލުވި މައްސަލަ އެހެން މެޖިސްޓްރޭޓަކާ ހަވާލުކުރުމުގައި އަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
- އެއް މެޖިސްޓްރޭޓަށް ވުރެ ގިނަ މެޖިސްޓްރޭޓުން މަސައްކަތްކުރާ ކޯޓެއްގެ މެޖިސްޓްރޭޓަކު ތަނާޒުލުވާ ހާލަތުގައި، އެ މައްސަލަ އެ ކޯޓުގެ އެހެން މެޖިސްޓްރޭޓަކާ ހަވާލުކުރުން؛
- މައްސަލަ ހަވާލުކުރާނެ އިތުރު މެޖިސްޓްރޭޓަކު އެ ކޯޓުގައި ނެތް ނަމަ، އެ ކޯޓު ނިސްބަތްވާ ޖުޑީށަލް ދާއިރާގައި ހިމެނޭ ކޯޓެއްގެ އެހެން މެޖިސްޓްރޭޓަކާ ނުވަތަ އެ ޖުޑީށަލް ދާއިރާގެ އެހެން މެޖިސްޓްރޭޓަކާ ހަވާލުކުރުން. މި ގޮތަށް ހަވާލުކުރާއިރު ތިރީގައިވާ ކަންކަމަށް ރިއާޔަތް ކުރަންވާނެވެ.
2.1 މައްސަލަ ހަވާލުކުރެވޭ މެޖިސްޓްރޭޓް ގާއިމުވެ ހުންނަ ރަށާ ހުރި ދުރުކައިރި މިނާއި، ދަތުރުފަތުރުގެ ލުއިފަސޭހަކަމާއި، އެ ކަމަށް ހިނގާނެ ހަރަދު.
2.2 މައްސަލަ ހަވާލުކުރެވޭ މެޖިސްޓްރޭޓުގެ ކޭސްލޯޑް.
2.3 މައްސަލަ ހަވާލުކުރެވޭ އިރު އެ މެޖިސްޓްރޭޓް ހުރީ ޗުއްޓީގައި ނުވަތަ ރަސްމީ ބޭނުމަކަށް ވީއްލައިފައިތޯ ބެލުން. - މައްސަލަ ހަވާލުކުރެވޭނެ އެއްވެސް މެޖިސްޓްރޭޓަކު އެ ދާއިރާގައި ނެތް ނަމަ، އެ ޖުޑީށަލް ދާއިރާއިން ބޭރުން އެހެން މެޖިސްޓްރޭޓަކާ މައްސަލަ ހަވާލުކުރަންވާނީ، ޖުޑީށަލް ސަރވިސް ކޮމިށަނަށް ލިޔުމުން ހުށަހަޅައި، ކޮމިށަނުން ނިންމާ ގޮތެއްގެ މަތީންނެވެ.
(ބ) މި ގަވާއިދުގެ ދަށުން ތަނާޒުލުވުމަށް އެދި ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅައި ކޮމިށަނުގެ ފަރާތުން ތަނާޒުލުވުމާމެދު ނިންމުމެއް ނިންމަންޖެހޭ މައްސަލަތަކުގެ ތެރެއިން މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަނާޒުލުވުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ގޮތް ނިންމާނީ ޖުޑީށަލް ސަރވިސް ކޮމިށަނުގެ ރައީސެވެ.
(ޅ) މި ގަވާއިދުގެ ދަށުން ތަނާޒުލުވުމަށް އެދި ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅައި ކޮމިށަނުގެ ފަރާތުން ތަނާޒުލު ވުމާމެދު ނިންމުމެއް ނިންމަންޖެހޭ މައްސަލަތަކުގެ ތެރެއިން މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރުގެ ދަށުން ތަނާޒުލުވުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި، އެ މައްސަލައަކީ އަވަހަށް ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައަކަށް ވެފައި، ތަނާޒުލުވުމަށް އެދި ހުށަހެޅިފައިވަނީ ރަސްމީ ގަޑިން ބޭރުގައި ނުވަތަ ނުރަސްމީ ދުވަހެއްގައި ކަމަށް ވާ ނަމަ، އަދި އެ ހުށަހެޅުމަކާމެދު މުޅި ކޮމިށަނުން ގޮތެއް ނިންމުމަށް އެކަށީގެންވާ ވަގުތު ނެތްކަމުގައި ވާ ނަމަ، އެ ހުށަހެޅުމާމެދު ގޮތެއް ނިންމާނީ ޖުޑީށަލް ސަރވިސް ކޮމިށަނުގެ ރައީސެވެ.
7 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް މެދުވެރިވުން
މި ގަވާއިދުގައި ނެތްކަމެއް ދިމާވެއްޖެ ނަމަ އެ ކަމާމެދު ގޮތެއް ނިންމާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.
8 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، ތިރީގައި ބަޔާންކޮށްފައިވާ މާނަކުރުންތަކެވެ.
(ހ) "ފުރަތަމަ ދަރަޖަގެ އާއިލީ ގުޅުން" ކަމަށް ބުނެފައި އެވަނީ، މަންމަ، ނުވަތަ ބައްޕަ، ނުވަތަ މާމަ، ނުވަތަ ކާޕަ، ނުވަތަ އަނބިމީހާ، ނުވަތަ ފިރިމީހާ، ނުވަތަ ދަރިން އަދި ފޮސްޓަރ ކުދިން ނުވަތަ ށަރުއީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ނުވަތަ ގާނޫނީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ބަލާ ކުދީންނަށެވެ.
(ށ) "ޅިޔަން ފަހަރިން" ކަމަށް ބުނެފައި އެވަނީ، ފަނޑިޔާރާ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު މީހަކާ ކާވެނީގެގޮތުން އެވަގުތަކު ގުޅިފައިވާ ފަރާތްތަކާއި، ފަނޑިޔާރު އެވަގުތަކު ކާވެނީގެގޮތުން ގުޅިފައިވާ ފަރާތުގެ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު މީހުންނަށެވެ.
(ނ) "ގޭބިސީ" ކަމަށް ބުނެފައި އެވަނީ، ފަނޑިޔާރާ އެއްގެއެއްގައި އެކުގައި ދިރިއުޅޭ މީހުންނަށެވެ.
(ރ) "އާއިލާގެ މެންބަރުން" ކަމަށް ބުނެފައި އެވަނީ، ފަނޑިޔާރަށް ލިބ މައްސަލައިގެ ދެ ފަރާތުގެ ހަސްމުންގެ ތެރޭގައި ފަނޑިޔާރާއި ފަނޑިޔާރުގެ އަނބިމީހާ ނުވަތަ ފިރިމީހާއާ ފުރަތަމަ ދަރަޖައިގެ އާއިލީ ގުޅުމެއް އޮންނަ މީހުންނަށެވެ.
(ބ) "މާލީ މުއާމަލާތެއް" ކަމަށް ބުނެފައި އެވަނީ، މައްސަލައިގައި ހިމެނޭ ހަސްމަކާ ނުވަތަ ހަސްމުގެ އަނބިމީހާ ނުވަތަ ފިރިމީހާއާއެކު ކޮށްފައިވާ މުއާމަލާތެއްގެ ތެރެއިން ދަރަންޏެއް ނުވަތަ އެނޫން ގޮތަކުން މުދަލެއް ބަދަލުކޮށްފައިވުމުން އަގު އަދާކުރަމުންދާ ނުވަތަ ފައިސާ ދައްކަންޖެހިފައިވާ ކަމެއް ނުވަތަ އެއްޗެއް އޮތުމާއި، މިލުކުވެރިކަން ބަދަލުވާންޖެހޭ މުއާމަލާތެއްކޮށް ނިމިފައިނުވުމަށެވެ. މި މާނަކުރުމުގައި މާލީ އިދާރާތަކާއެކު ފަނޑިޔާރުން ކޮށްފައިވާ މުއާމަލާތްތައް އިސްތިސްނާވާނެއެވެ. އަދި ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއެކު ފަނޑިޔާރު ކޮށްފައިވާ މުއާމަލާތްތައް އިސްތިސްނާވާނެއެވެ.
9 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
10 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުމުން އުވިގެންދާނެ ސަރކިއުލަރތައް
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ޖުޑީށަލް ސަރވިސް ކޮމިށަނުގެ ނަންބަރު JSC/09/CIR/13 /13CIR/09/JSC (16 އެޕްރީލް 2009) ގެ ސަރކިއުލަރއާއި، ޖުޑީށަލް ސަރވިސް ކޮމިށަނުގެ ނަންބަރު JSC/09/CIR/17 (21 މޭ 2009) ގެ ސަރކިއުލަރ އުވުނީއެވެ. އަދި މި ގަވާއިދާ ފުށުއަރާ ކަމެއް އެހެން ގަވާއިދެއްގައި ނުވަތަ އުސޫލެއްގައި ވާ ނަމަ، އެކަމަކާ ގުޅ ގޮތުން އަމަލުކުރާނީ މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.
މައި ގާނޫނު
ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13)
ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-10)
ކިޔުންތެރިންގެ ހިޔާލު